ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ރައްޓެއްސަކު ދިން ދަޢުވަތަކަށް ކޮފީއަކަށް ގޮސް، އެކުވެރިޔާއާ ދެމީހުން ތިބީ ކޮންމެވެސް އަމިއްލަ ވާހަކައެއްގައެވެ. އިރުކޮޅަކުން ޖެހިގެން ހުރި މޭޒުދޮށުގައި ޒުވާންފުރައިގެ ސޮރަކު އައިސް ޖައްސާލައިފިއެވެ. އެކަނިމާ އެކަންޏެވެ. ގިނައިރުތަކެއް ނުވެ، ވޭޓަރަކު އައިސް އޭނާގާތަށް ހުއްޓިއްޖެއެވެ. ބޭނުންވަނީ ކޮން އެއްޗެއްތޯ އަހައިލުމުން އަދި އެކަކު އެބަ އާދެޔޭ ބުނެފައި ދެން ފެށީ ފޯނާކުޅޭށެވެ. އޭގެ ފަނަރަވަރަކަށް މިނެޓް ފަހުން ހަމަ އެ ފުރައިގެ ސޮރަކު އައިސް އެމޭޒުގެ އަނެއްފަރާތުގައި ޖައްސާލައިފިއެވެ.
“ސާބަސް! މިހާރު ކޮން އިރެއް މިތާ އިންނަތާ.” ކުރިން އައި މީހާ ޝަކުވާގެ ރާގުގައި ބުނެލި އަޑު އިވުނެވެ.
“ލަސްވާނެއެއްނު! ގެއިން ނިކުތްއިރު ސައިކަލުގައި ހުރީ އިސްޓިކާ ޖަހާފައޭ.” ފަހުން އައި މީހާގެ މޫނުމަތީން ފެނުނީ ނުރުހުމުގެ އަސަރެވެ.
“ސްޓިކާ ޖެހީމަ އޭގެ މާނައަކީ ބައިގަޑިއިރު ފަހުން ދުއްވާށޭތަ؟ އެހެންނޫނަސް ގަވާއިދާޚިލާފަށް ޕާކުކުރަންޏާ ސްޓިކާ ވެސް ޖަހާނެ!” ކުރިން އައި މީހާ ފަރުވާކުޑަ ގޮތަކަށް އޭނާއަށް ރައްދު ދިނެވެ.
“ކޮބައިތަ ޤަވާޢިދަކީ؟ މަގުގެ އެއްފަރާތުގައި ބަހައްޓާފަ ހުންނާނީ؟ މީހަކަށް ވެސް ދުއްވާ އެއްޗަކަށް ވެސް ދައްޗެއް ނުވާނެ! އެއެއް ނޫން ވާގޮތަކީ. ސަރުކާރަށް ފައިސާ ލިބޭނެއެއްނު!” އޭނާގެ އަޑު މިފަހަރު ކުރިއަށްވުރެ ބާރުވިއެވެ.
“ކޯފާ އިސްނުކުރައްވާ! މަނިކުފާނުގެ ސައިކަލުކޮޅު ޕާކިންގ ޒޯނުގައި ބެހެއްޓެވިނަމަ ތިހެނެއް ނުވީސް!” އަނެއް މީހާ ޖަހައިލީ ހިނިގަނޑެކެވެ.
ރުޅިގަދަމީހާ އިރުކޮޅަކު އިނދެފައި ސިގިރެޓެއް ރޮކޮށްލައިފިއެވެ. ވާހަކަފެށީ އޭގެފަހުންނެވެ. ރަނގަޅު ވާހަކައެކެވެ. ޕާކުކުރާން ޖެހޭނީ ޕާކިންޒޯނުގައެވެ. އެކަމަކު ނިކަން ބުނެބަލާށެވެ! މި ދުއްވާ އުޅަނދުތަކާ އެކަށީގެންވާ މިންވަރަށް މާލޭގައި ޕާކިންޒޯނު އެބަ ހުރިހެއްވެ؟ ކުޑަކުޑަ ހިނދުކޮޅަކަށް ތަނަކަށް ވަދެލަންވިޔަސް، ޕާކިންޒޯނަކުން ވައްދައިލާނޭ ދޭތެރެއެއް ނުލިބިގެން އެތައް ހިސާބަކަށް ދުއްވާން ޖެހެނީ މަދެއްކޮށެއް ނޫނެވެ. ތި ދައްކަނީ އެފެންވަރުގައި ހުރި ޕާކިންގޒޯނުގެ ވާހަކަހެއްޔެވެ؟
ހިތަށް އެރިއެވެ. އޭނާގެ އެ ވާހަކަ މުޅިއަކުން ގޯހެއް ނޫނެވެ. މާލޭގައި ދުއްވާ އެއްޗެހި މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ޕާކިންޒޯނުތަކަށް ނުތަކާވަރަށެވެ. މިއަށްވުރެ ބޮޑު ކަންބޮޑުވުމަކީ، މާލޭގައި ނިސްބަތުން މަދު ޕާކިންޒޯނުތައް، އެހެންކަންކަމަށް ބޭނުން ކުރެވެމުން އަންނަކަމެވެ. ފިހާރަފިހާރައިގެ މުދާތައް އަތުރާފައި ހުރެދާނެއެވެ. ބޭނުންނެތް ކުނިސާމާނުތައް އަޅާލާފައި ހުރެދާނެއެވެ. މަސައްކަތްކުރާމީހުން އެމީހުންގެ މަސައްކަތު ސާމާނާއި އެހެނިހެން ތަކެތި، އެތައް ދުވަހެއްވަންދެން ބަހައްޓާފައި ހުރެދާނެއެވެ. ނަމުގައި ދުއްވާތަކެތި ބަހައްޓަން ޚާއްޞަކޮށްފައި ހުންނަ ޖާގައެވެ.
މާލޭގެ މާރުކޭޓް ސަރަހައްދަކީ އެތައް ބަޔަކު ކޮންމެ ދުވަހަކު އައިސް ގޮސްވާން ޖެހޭ ސަރަޙައްދެކެވެ. ބާޒާރުކުރާށެވެ. ކޮންމެވެސް ދޯންޏަކަށް ނޫނީ ބޯޓަކަށް އެއްޗެއް އަރުވާށެވެ. މީހަކު ފުރުވާށެވެ. ލައްޕާށެވެ. މިހެންގޮސް އެތައް ކަމަކަށެވެ. އެސަރަޙައްދަށް ވެސް ދުއްވާއެއްޗެއްގައި މީހަކު ހިނގައްޖެނަމަ، ޕާކުކޮށްލާނެ ތަންކޮޅެއް ހޯދުން ވާނީ ދަތިކަމަކަށެވެ. ޙަޤީޤަތަކީ މިއެވެ.
ކުރީ ދުވަހަކު އެކުވެރިއަކު ދެއްކި ވާހަކައެއް ކުއްލިއަކަށް ހަނދާނަށް އަތުވެއްޖެއެވެ. އޭނާ ކިޔައިދިނެވެ. އެއީ އެދުވަހުގެ މެންދުރެއްހައިއިރެވެ. އޭނާ ދިޔައީ އެ ސަހަޙައްދުހައި ހުރި “ފިލާބިލްޑިންގ” އަށެވެ. އެއީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަން ހުންނަ ޢިމާރާތެވެ. އެކުވެރިޔާ ދިޔައީ އެތަނުގެ ކޮންމެވެސް ބޭނުމަކަށެވެ.
ކަމަކުދާކަށް ނެތެވެ. މުޅި އެ ސަރަޙައްދުން ވެސް ސައިކަލު ބަހައްޓައިލާނޭ ރަނގަޅު ތަނެއް އޭނާއަކަށް އަތުޖައްސާކަށް ފަސޭހައެއް ނުވިއެވެ. މަގުގެ މޫދާވީފަޅި، ކޮޅުން ކޮޅަށް ވަނީ ފުރާލާފައެވެ. އަނބު ވިއްކާމީހުން އަނބު ވިއްކަނީއެވެ. ޒޯނުގައި ތަކެތި އަތުރާލައިގެން ތިބެއެވެ. ހުސްތަންކޮޅެއް އޮތްނަމަ، ކޮންމެވެސް ފޮށިގަނޑުތަކެކެވެ. ބަސްތާތަކެކެވެ. ބެރި ފިލަޔާއި ހޮޅިތަކެވެ. މިހެންގޮސް ތަފާތު މުދަލެވެ. ނަމުގައި ސައިކަލަށް ހުރި ޖާގައެވެ. ދެން ބެހެއްޓޭތަނަކުން އަނެއްބަޔަކު އައިސް ތަތްކޮށްލާނީ އެތައް ސަތޭކަ ރުފިޔާއެއްގެ ބުރަދަން ހުރި އިސްޓިކާއެވެ. އުޅެވޭކަށް ނެތެވެ. ނޫޅެ ވާކަށް ވެސް ނެތެވެ. އެކުވެރިޔާ ވާހަކަ ނިންމާލައިފިއެވެ.
ހިނިއައެވެ. ފަހު ދެޖުމުލަ ބުނެލި ރާގުންނެވެ. އެހެންނަމަވެސް މިއީ ހިނިއައިސްގެން ފަރުޖެއްސޭކަށް އޮތް ކަމެއް ވެސް ނޫނެވެ. އެއަށްވުރެ ބޮޑު މައްސަލައެކެވެ. މާލޭގެ ގިނަ މަގުތަކުގައި، ޚާއްޞަކޮށް ބޮޑެތި މަގުތަކުގައި ދުއްވާތަކެތި ޕާކުކުރުން މިވަނީ ދަތި އުނދަގޫ ކަމަކަށް ވެފައެވެ. ސަބަބަކީ ޕާކިންޒޯނުތައް މަދުވުމެވެ. އިތުރުކުރެވޭނީ މަގުތަކުގައި ޖާގަ އޮތް ވަރަކުންތާއެވެ. އެހެންވީމާ އެވާހަކަ ބާއްވަމާ ހިނގާށެވެ. ކުރެވޭން ހުރި ކަންކަމުގެ ވާހަކަ ދައްކަމާ ހިނގާށެވެ.
ކުރެވޭން އޮތް ފުރަތަމަ ކަމަކީ ޕާކިންޒޯނުތަކަކީ ހަމައެކަނި ދުއްވާތަކެތި ޕާކުރާން ހުރިތަންތަނަށް ހެދުމެވެ. އެހެނިހެން ތަކެތި އެތަނުގައި ނުބެހެއްޓުމެވެ. މުދަލަށް ވިޔަސް، ކުންޏަށް ވިޔަސް ނުބަހައްޓަންވީއެވެ. އަނެއްކަމަކީ، ވީހާވެސް ގިނަ ބަޔަކަށް ޖާގަ ލިބޭނޭފަދަ ގޮތަކަށް، ކޮންމެ މީހަކު ވެސް ޒޯނުތަކުގައި އުޅަނދު ޕާކުކުރުމެވެ. ޖެހުނު ގޮތަކަށް ޖެހުނު ކިއްސަރަކަށް ނުބެހެއްޓުމެވެ. އޭރުން ވެސް ވަރަށް ބޮޑު ތަނެއް ޒޯނުން އިތުރުކުރެވިދާނެއެވެ. މިއީ ނުކުރެވޭވަރުގެ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް މިކަންކަން ވާނީ، އެންމެން އެއް ލަވައެއް ކިޔައިގެންނެވެ. އެއް ބެރެއް ޖަހައިގެންނެވެ.