ނަމޫނާ ޝަޚުޞިއްޔަތެއްގެ ހަޔާތުން ފިލާވަޅެއް

ސިޔާސީ ބާރެއް އިލްމީ ބުރަދަނެއް އޭނާގެ ނެތެވެ. އުމުރުގެ ބޮޑު ބައި ހޭދަކުރީ ދޮވެ އިސްތިރިކުރުމުގެ މަސައްކަތުގައެވެ. މި ފަދަ އާދައިގެ އަންހެނަކަށް ދުނިޔޭގެ މަޝްހޫރު އެއް ޔުނިވަރސިޓީ ކަމަށްވާ ހާވާޑް ޔުނިވަސިޓީއިން ޕީއެޗްޑީ ފާހެއް ދެއްވަފާނޭ ކަމަށް ގަބޫލުފުޅުކުރެވޭތޯއެވެ. މި ދަންނަވަނީ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ނިކަމެތި އަންހެނެއްގެ ވާހަކައެވެ. 7 މާރިޗު 1908 ގައި އެމެރިކާގެ މިސިސިޕީގެ ވޭން ކައުންޓީއަށް އުފަން، އޯސިއޮލާ މެކާތީގެ ވާހަކައެވެ. އެމެރިކާގެ ކަޅު ނަސްލުގެ ނިކަމެތި އަންހެނެއްކަމަށްވާ، ލުއިސީ މެކާތީއަށް ލިބުނު ހަމައެކަނި ދަރިފުޅުގެ ވާހަކައެވެ.

މެކާތީގެ ވަރަށް ޅަ އުމުރުގައި އޭނާގެ މާމަ (ޖޫލިއާ ސްމިތު މެކާތީ) ވަނީ އޭނާ ބެލުމުގެ ޒިންމާ ނަގާފައެވެ. ޢިލްމީ ރޮނގުން ފުންނާބު އުސް މީހަކަށް ވުމަށް ޓަކައި މެކާތީ ދެކެމުން އައި ފޮނި ހުވަފެނުގައި ކުލަޖައްސައިދިނުމަށް ޓަކައި މާމަ ވަރަށް މަސައްކަތްކުރިއެވެ. އެގޮތުން އޭނާ ސްކޫލަކަށް ވައްދައި ކިޔަވައިދޭން ފެށިއެވެ.

1916 ވަނަ އަހަރު މެކާތީގެ މާމަ އާއި ބޮޑުދައިތަ (އީވްލީން) މެކާތީ ގޮވައިގެން މިސިސިޕީ ދޫކޮށް ހެއިޓީޒް ބާރގްއަށް ހިޖުރަކުރިއެވެ. ހެއިޓީޒް ބާރގްގައި މާމައާއި ބޮޑުދައިތަގެ މަސައްކަތަކީ ގޭގެއަށް ގޮސް މަސައްކަތްކޮށްދިނުމެވެ. ގޭތެރެ ސާފުކޮށް، ކައްކައިދީ، އެއްޗެހިދޮވެދިނުން ފަދަ މަސައްކަތްތަކެވެ. މެކާތީ އުޅުނީ ކިޔެވޭތޯއެވެ. އެހެންނަމަވެސް އޭނާ ގުރޭޑު 6 ގައި ކިޔަވަމުން ދަނިކޮށް، އޭނާގެ ނަސީބުގެ ފިޔަވަޅު، ފަހަތަށް މިސްރާބު ހިފައިފިއެވެ. ބޮޑުދައިތަ ބަލިވުމާ ގުޅިގެންނެވެ.

ކުއްލިގޮތަކަށް ބޮޑުދައިތަ ބަލިވެ ހަސްފަތާލުގައި އެނދުމަތިކުރުމާ ގުޅިގެން، މެކާތީއަށް ޖެހުނީ ބޮޑުދައިތަ ބެލުމަށް ޓަކައި ވަގުތު ހުސްކުރާށެވެ. ބޮޑުދައިތަގެ ދަރިއަކު ނެތުމުންނެވެ. އެހެންކަމުން އިސްކޫލުގެ ހަތަރު ފާރާ އޭނާ އަލްވަދާޢުކީ، އަދިވެސް އެނބުރި އިސްކޫލަށް އައުމުގެ ފޮނި އުއްމީދާ އެކުގައެވެ. އެހެންނަމަވެސް ބޮޑުދައިތަގެ ބަލިހާލަތު ހުރިގޮތުން، ހަސްފަތާލުގައި އެތައް ދުވަހެއް ހޭދަކުރާން އޭނާއަށް ޖެހުނެވެ.

ހަސްފަތާލުގެ ދުވަސްތަކަށް ނިމުން އައި އިރު، އޭނާއާ އެކު ކިޔެވި ކުދިން ތިބީ، ފެންވަރުގެ ގޮތުން އޭނާގެ އަތް ފޯރާފަށަށްވުރެ މާ މަތީގައެވެ. ކޮރައިގެން ފުންމައިގެން ވެސް، އަތުޖެހޭ ހިސާބަށްވުރެ އުހުގައެވެ. އެހެންކަމުން ދެ ލޮލުން ހިލުނު ކަރުނައާ އެކު، އޭނާއަށް މަޖުބޫރުވީ ކިޔެވުމުގެ ޚިޔާލު ދޫކޮށްލާށެވެ.

ތައުލީމީ ހަޔާތާ އަލްވަދާޢު ކިޔާން ޖެހުނު ނަމަވެސް، ދުނިޔެއާ މެދު އޭނާ އުއްމީދު ކުޑައެއް ނުކުރެއެވެ. އެހައިތަނުން އޭނާ އެނބުރުނީ މާމަ ކުރަމުން އައި މަސައްކަތާ ދިމާއަށެވެ. އޭރު މާމަގެ މަސައްކަތަކީ ގޭގައި ދޮވެ އިސްތިރިކުރުމުގެ މަސައްކަތެވެ. އެހެންކަމުން މާމައާ އެކު އެ މަސައްކަތުގައި ހަރަކާތަތެރިވާން ފެށިއެވެ. އޭރު އޭނާގެ އުމުރަކީ އެންމެ ބާރަވަރަކަށް އަހަރެވެ.

ދޮވެ އިސްތިރިކުރުމުގެ މަސައްކަތުގައި އޭނާ އުޅެމުން ގެންދިޔައީ ވަރަށް ބުރަކޮށެވެ. ގިނަ ރޭރޭ އޭނާ ނިދަނީ ތިން ގަޑިއެއް ނުވަތަ ހަތަރު ގަޑިއެއްހައި އިރުއެވެ. ބައެއް ފަހަރު ދެ ދުވަސް ނުވަތަ ތިން ދުވަހު ނުނިދާ ވެސް މަސައްކަތްކުރިއެވެ. މިހައި ބުރަކޮށް އޭނާ މަސައްކަތްކުރީ ސަބަބެއް އޮވެގެންނެވެ. ހާޞިލުކުރާން ބޭނުންވާ ލަނޑުދަނޑިއެއް އޮތީމައެވެ.

ދޮވެ އިސްތިރިކުރުމުގެ މަސައްކަތް ފުރަތަމަ ފެށިތާ ކުރީކޮޅު މެކާތީ ވަނީ، “ފަސްޓް މިސިސިޕީ ނޭޝަނަލް ބޭންކް”ގައި ސޭވިން އެކައުންޓެއް ހުޅުވާފައެވެ. އަދި ލިބޭ ޢާމްދަނީއިން ކޮންމެވެސް މިންވަރެއް އޭނާ އައީ އެކައުންޓުގައި ކޮންމެ މަހަކު ވެސް ޖަމާކުރަމުންނެވެ. ފަހަށް ރައްކާކުރުމަކީ ކުރާންޖެހޭ ކަމެއްކަމަށް ބެލެވޭތީއެވެ.

ދުނިޔޭގެ އުސޫލުން ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް، 1926 ވަނަ އަހަރަކީ މެކާތީގެ ހަޔާތަށް އައި ހިތާމަވެރި އަހަރެކެވެ. އޭނާގެ ބައްޕަ ދުނިޔެ ދޫކުރުމުންނެވެ. ވަގުތުގެ ދީލަތި އެހީތެރިކަމާ އެކު، އެ ހިތާމައަށް ފަރުވާ ލިބި، މެކާތީގެ ޒުވާން އުމުރު އޭނާއާ ބައްދަލުކޮށްފިއެވެ. މި ނިއުމަތާ އޭނާ ކުރިމަތިލީ، އެހެނިހެން ޒުވާނުންނެކޭ އެއް ފަދައިން ޒަވާޖީ ހަޔާތެއްގެ ފޮނި ހުވަފެން ދެކެމުންނެވެ. އެހެންނަމަވެސް އޭނާގެ ނަސީބުގެ ފަތުގައި މި ކަން ލިޔެވިފައެއް ނެތެވެ. އޭނާގެ ޒުވާން އުމުރުގައި ނިމުމުގެ ސިއްކަޖެހުނީ ޒަވާޖީ ހަޔާތެއްގެ ހިޔާވަހިކަން ނުލިބިއެވެ. ފިރިއެއްގެ އޯގާވެރި ފިރުމުން ނުލިބިއެވެ.

1944 ވަނަ އަހަރަކީ، މެކާތީގެ ހަޔާތަށް އައި ހިތާމަވެރި އަހަރެކެވެ. އޭނާގެ ލޮބުވެތި މާމަ މި ފަނާވަނިވި ދުނިޔެ ދޫކުރުމުންނެވެ. އެ ހިތާމައިން އަރައިގަނެ ހީވާގި ކަމާ އެކު ދޮވެ އިސްތުރުކުރުމުގެ މަސައްކަތުގައި އުޅެމުން ދަނިކޮށް، 1964 ވަނަ އަހަރު އޭނާގެ މަންމަ ވެސް އޭނާއާ އަބަދުގެ އަބަދަށް ވަކިވެއްޖެއެވެ. އޭގެ ތިން އަހަރު ފަހުން، 1967 ވަނަ އަހަރު ބޮޑުދައިތަ ވެސް އޭނާ ދޫކޮށް، ދާއިމީ ގޮވައްޗަށް ދަތުރުކޮށްފިއެވެ.

މެކާތީގެ އުމުރުން 59 އަހަރުވީއިރު، އާއިލާގެ އެންމެން ހުސްވެ، އޭނާ އެކަނިވެއްޖެއެވެ. ފިރިއެއް ދަރިއެއް ނެތްތާނގައި، އާއިލާގެ މީހަކު ވެސް ނެތި ހުސްވެއްޖެއެވެ. މި ކަމުގެ ސަބަބުން އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތަކަށް މަޑުޖެހުމެއް ނުގެނެއެވެ.

މޭކާތީގެ އުމުރުގެ ފީތާ ނިއުޅެމުން ގޮސް، އުމުރުގެ 86 އަހަރު އޭނާއާ ވަކިވެ 87 ވަނަ އަހަރާ ކުރިމަތިލައިފިއެވެ. އެހައިތަނަށް އައި އިރު، ގައިބާރު ދެރަވެ މީހާ ބަލިކަށިވެއްޖެއެވެ. އާދައިގެ މަތިން މިއަދަކީ ވެސް، އަތުގައި ހުރި ފައިސާކޮޅު ޖަމާކޮށްލަން ބޭންކަށް އޭނާ ވަން ދުވަހެކެވެ. ބޭންކުގެ ކައުންޓަރުގައި އިން ކުއްޖާއަށް މެކާތީ ފެނުމުން ހިނިތުންވެލާފައި، އެކައުންޓުގައި މިހާރު ކިހައި ފައިސާއެއް ހުރިކަން އެނގޭތޯ  ސުވާލެއްކޮށްލިއެވެ. ނޫނެކޭ މެކާތީ ބުނުމުން، ދެ ލައްކަ ފަންސާސް ހާސް ޑޮލަރު އެބަ ހުރިކަމަށް އެ ކުއްޖާ ބުންޏެވެ. މެކާތީއަށް އެ ވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. އޭނާގެ މިލްކިއްޔާތުގައި އެހައި ގިނަ ފައިސާ ހުރެދާނޭކަމަށް އުއްމީދު ވެސް ކުރެވިފައި ނެތީމައެވެ.

އެ ދުވަހު ގެއަށް ގޮސް، މެކާތީ ވަރަށް ވިސްނިއެވެ. އެ ފައިސާއިން ކުރާނެ ފައިދާހުރި ކަމަކާ މެދުގައެވެ. ތަފާތު ގޮތްގޮތަށް ވިސްނުމަށްފަހު އޭނާ ޗެކްފޮތް ނަގައި، އޭގައި އެއް ލައްކަ ފަންސާސް ހާސް ޑޮލަރު ލިޔެ، ސޮއިކުރިއެވެ. އަދި ކުރު ނޯޓެއް ވެސް ލިޔުނެވެ. އޭގައި އޭނާ ލިޔުނެވެ.

“މި ނޯޓާ އެކު އަޅުގަނޑު މި ހަދިޔާކުރާ ފައިސާއިން، މި ގައުމުގައި ތިބި ކިޔަވަން ބޭނުންވާ ކަޅު ނަސްލުގެ ނިކަމެތި ފަގީރު ކުދިންނަށް، ސްކޯލަރޝޕް ޕްރޮގްރާމެއް ހަމަޖައްސައިދިނުން އެދެމެވެ.” މި ނޯޓާ އެކު އެ ޗެކް އޭނާ ހަވާލުކުރީ، “ޔުނިވަރސިޓީ އޮފް ސައުދަން މިސިސިޕީ” އާއެވެ.

މެކާތީގެ އާދަޔާޚިލާފު ދީލަތި އެހީގެ ސަބަބުން، އޭނާގެ ކުލަ އޮއްސި، ފަނޑުވެފައިވާ ހަޔާތުގެ ދޯދިތައް ދުނިޔޭގެ ކަންކޮޅުތަޖަށް ދުނިޖެހިއެވެ. އިތައެއްގެ ތެރޭގައި އެތައް ދުވަހަކު ފޮރުވިފައި އޮތް މުތެއް ނެގުމުން، އިރުގެ އަލި ދޯދި އެޅި ވިދައިގަތް ފަދައިން މެކާތީގެ ނަން ދުނިޔޭގެ ކަންކޮޅުތަކުގައި ބަބުޅަންފެށިއެވެ. އޭނާގެ ހިތްހެޔޮކަމާއި ދީލަތިކަމުގެ ވާހަކަތައް އެތައް ދޫތަކަކުން ތަކުރާރުކުރާން ފެށިއެވެ. ތައުރީފުގެ ބަސްތަކުން އަމުނާފައިވާ އެތައް މާފައްޗެއް އޭނާގެ ކަރަށް އުކެމުން ދިޔައެވެ.

އޭބީސީ، އެންބީސީ، ބީއީޓީ، އެމްޓިވީ ފަދަ އެތައް ޗެނަލްއަކުން އޭނާގެ އިންޓަވިއުތައް ފޮނުވިއެވެ. މަޖައްލާތަކާއި ނޫސްތަކުގައި އޭނާއާ ބެހޭގޮތުން އާޓިކަލްތައް ލިޔެވުނެވެ. އޭގެތެރޭގައި ނިއުސްވީކް، ޕީޕަލް، ލައިފް، ދަ ނިއު ޔޯކް ޓައިމްސް ފަދަ މަޝްހޫރު ނޫސްމަޖައްލާތައް ހިމެނެއެވެ.

މެކާތީގެ އިޚުލާސްތެރި ހަދިޔާގެ އަގު  ވަޒަންކުރުމުގެ ގޮތުން، އެމެރިކާގެ އާންމު ފަރުދުންނަށް ދެއްވާ ދެވަނައަށް އެންމެ މަތީދަރަޖައިގެ ޝަރަފާއި އިނާމު މެކާތީއަށް 1998 ވަނަ އަހަރު ވަނީ ދެއްވާފައެވެ. ވައިޓްހައުސްގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެމެރިކާގެ އޭރުގެ ރައީސް ބިލްކްލިންޓަންގެ އަތްޕުޅުން ދެއްވި މި ޝަރަފު ވެގެންދިޔައީ، މެކާތީގެ ދެ ލޯ ފެންކަޅިކޮށްލި ޝަރަފަކަށެވެ. މީގެ އިތުރުން އދ. އިން ވެސް ވަނީ މެކާތީގެ އެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އިނާމް ދެއްވާފައެވެ. މީނޫނަސް އެތައް އިނާމަކާއި ޝަރަފެއް އޭނާއަށް ވަނީ ލިބިފައެވެ. ތަފާތު އެކިއެކި ޖަމިއްޔާތަކާއި ޔުނިވަސިޓީތަކުންނެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭނީ 1996 ވަނަ އަހަރު ޖޫން މަހު، ހާވާޑް ޔުނިވަރސިޓީން މެކާތީއަށް ދެއްވި އޮނަރަރީ ޑޮކްޓަރޭޓްކަމެވެ.

މެކާތީގެ އުމުރުގެ ފަހުކޮޅު އޭނާގެ ނަން މުޅިދުނިޔެއަށް މަޝްހޫރުވީ، ދިލަތި އޯގާވެރި ނަމޫނާ ޝަޚުޞިއްޔަތެއްގެ ގޮތުގައެވެ. ފުއްޕާމޭގެ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް، 26 ސެޕުޓެންބަރު 1999 ގައި، އުމުރުން 91 އަހަރުގައި މެކާތީ ދުނިޔެ ދޫކުރީ، ދިރިތިބީންނަށް ވަރަށް ފުރިހަމަ މިސާލެއް ދައްކާފައެވެ. ފަހަށް ރައްކާކުރުމުގެ ފައިދާއެވެ. ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ. މި ފަދަ ފަރާތްތަކުގެ ޚިދުމަތްތަކުން އިބުރަތް ހާސިލުކުރަމާތޯއެވެ.

Readers Comments (1)

  1. ޝުކުރިއްޔާ! ހަމްނާ

    Reply

ޚިޔާލު