އަޅުވައިކިޔުން، އަޅައިކިޔުން، އަޅައިބެލުން

އަޅުވައިކިޔުމާއި އަޅައިކިޔުމާއި އަޅައިބެލުމަކީ ވަރަށް އެއް ކަހަލަ ގޮތަކަށް އަޑު އަންނަ ތިން ލަފުޒެވެ. އެހެންކަމުން ލިޔެ ކިޔުމުގައި މި ތިން ލަފުޒު ބޭނުންކުރާއިރު، ކޮންމެވެސް ވަރަކަށް އޮޅުން އަރާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ބަސް ދަސްކުރާ މަރުހަލާގައި އުޅޭ ކުދިންނާއި މީހުންގެ ފުށުން މި ކަން ފާހަގަކުރެވޭލެއް ބޮޑެވެ. ބައެއް ނޫސްމަޖައްލާތަކުގައި ވެސް މި އޮޅުން ހުންނަތަން ފެނެއެވެ. އެހެންކަމުން މި ތިން ލަފުޒުގެ ހަމައަށް ނަޒަރެއް ހިންގައިލާނަމެވެ.

ފުރަތަމަ ލަފުޒަކަށް ނަގާނީ “އަޅުވައިކިޔުން” މި ލަފުޒެވެ.

އަޅުވައިކިޔުމަކީ، ދެ އެއްޗެއްގެ ނުވަތަ ދެ ކަމެއްގެ ދެމެދުގައި ހުރި ތަފާތު ނުވަތަ އެއްގޮތްކަމާ މެދު ވާހަކަ ދައްކަން ބޭނުންކޮށް އުޅޭ ލަފުޒެއް ނޫނެވެ. އެއާ މުޅީން ތަފާތު ހާލަތެއްގައި ބޭނުންކުރާ ލަފުޒެކެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ކުރިން މި ފާހަގަކުރި ހާލަތްތަކުގައި މި ލަފުޒު ބޭނުންކުރާތަން ފެނެއެވެ. މިސާލަކަށް ބަލައިލަމާ ހިނގާށެވެ!

  • އެ ދެމީހުންގެ އިސްކޮޅު އަޅުވައިކިޔާއިރު ބުނެވޭނީ ހަސަނު މާ ދިގު ކަމަށެވެ.

މި ޖުމުލައަކީ ބަހުގެ ހަމައަށް ބަލާއިރު ރަނގަޅު ޖުމުލައެއް ނޫނެވެ. ސަބަބަކީ މި ޖުމުލައިގައި ދެ މީހެއްގެ އިސްކޮޅުގެ ތަފާތު ބެލުމަށް ޓަކައި އަޅުވައިކިޔާފައިވާތީއެވެ.

ބަހުގެ ހަމައިގައި ވެސް އަދި ބަސްފޮތުގައި ވެސް ބުނެފައި އޮންނަނީ އަޅުވައިކިޔުމަކީ ދެ ޖިންސްގެ ދެ މީހެއްގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަކަމަށް ވާހަކަ ދެއްކުން ކަމަށެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، އަޅުވައިކިޔުމަކީ ލައިދީ ގޮވުމެވެ. މި ލަފުޒަކީ، އެއްވެސް ހާލެއްގައި ދެ އެއްޗެއްގެ ނުވަތަ ދެ ކަމެއްގެ ތަފާތާ މެދު ވާހަކަ ދެއްކުމުގައި ބޭނުންކުރާ ލަފުޒެއް ނޫނެވެ. އެހެކަމުން މި ލަފުޒު ބޭނުންކުރެވޭނީ މި ފަދަ ހާލަތްތަކުގައެވެ.

  • ތިޔަ ގޮތަށް އެ ދެ މީހުން އަޅުވައިނުކިޔާށެވެ! ގޯހެއް ހިނގައިފާނެއެވެ.
  • އަޅުވައިކިޔުމަކީ އިސްތިރިއެކެވެ. ތިކަން ހުއްޓައިލާށެވެ.
  • އެ ދެ މީހުންގެ ލޯބީގެ ފެށުމަކީ ރައްޓެހިންގެ އަޅުވައިކިޔުމެވެ.

ދެން އޮތީ އަޅައިކިޔުމެވެ. އަޅައިކިޔުމަކީ ލިޔެކިޔުމުގައި ވަރަށް ގިނައިން އޮޅުންއަރާފައި ހުންނަތަން ފެންނަ ލަފުޒެކެވެ. ފުރަތަމަ ދެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ!

  • މި ދެ ލިޔުން އަޅައިކިޔައިލި އިރު، ޓައިޕްކުރި ލިޔުމުގެ ވަރަށް ގިނަ ތަންތަން އިސްލާޙުކުރާން ޖެހޭކަން ފާހަގަކުރެވުނެވެ.
  • މުހައްމަދާއި އަހުމަދުގެ މަސައްކަތް އަޅައިކިޔާއިރު އަހުމަދުގެ މަސައްކަތުގެ ފެންވަރު މާ ރަނގަޅެވެ.

މި ދެ މިސާލަށް ބަލާއިރު، ރަނގަޅީ ކޮން ޖުމުލައެއް ބާވައެވެ؟ ފުރަތަމަ ޖުމުލައިގައި އަޅައިކިޔާފައި ވަނީ ދެ ލިޔުމެކެވެ. ދެވަނަ ޖުމުލައިގައި އަޅައިކިޔާފައި ވަނީ ދެ މީހަކު ކޮށްފައިވާ މަސައްކަތެވެ.

ދިވެހިބަހުގެ ހަމައިގައި ވެސް އަދި ބަސްފޮތުގައި ވެސް ބުނެފައިވާ ގޮތުން “އަޅައިކިޔުން” ބޭނުންކުރެވޭނީ ލިޔެފައިވާ ނަކަލެއް، އޭގެ އަސްލާ އެއްގޮތްތޯ ބެލުމަށް ކިޔާ ކިޔުމަށެވެ. މި ހަމައަށް ބުރަވާ ނަމަ ބުނެވޭނީ މި ދެ ޖުމުލައިން ރަނގަޅީ ފުރަތަމަ ޖުމުލަ ކަމަށެވެ. އެ ޖުމުލައިގައި އަޅާކިޔާފައި އޮތީ ދެ ލިޔުންކަމަށްވާތީއެވެ.

ދެ ލިޔުމެއްގެ އެއްގޮތްކަން ނުވަތަ ތަފާތު ދެނެގަތުމަށް ކުރާ ކަންކަމަށް ނޫން ގޮތަކަށް “އަޅައިކިޔުން” ބޭނުންކުރުން ދިވެހިބަހުގެ ހަމަ ހުއްދަ ނުކުރާކަން ހަނދާން ބަހައްޓާށެވެ! ދެ އެއްޗެއްގެ ތަފާތު ބުނެދޭން ނުވަތަ ދެ ކަމެއްގެ ކަފާތު ބުނެދޭން އަޅައި ނުކިޔާށެވެ! އޭގެ ބަދަލުގައި އަޅައިކިޔާނީ މި ފަދަ ތަންތަނުގައެވެ.

  • އެ ދެ އެސައިންމަންޓް އަޅައިކިޔާލި އިރު، ވަރަށް ގިނަ ތަންތަން ކޮޕީކޮށްފައި ހުރިކަން ފާހަގަކުރެވުނެވެ.
  • ޓައިޕްކޮށްފައި ހުރީ އަހަރެން ދިން ދެލިކޮޕީއާ އެއްގޮތަށް ނޫންކަން އެނގުނީ އަޅައިކިޔައިލީމައެވެ.
  • އެ ދެ ފޮތް އަޅައިކިޔައިލިއިރު އެއްވެސް ތަފާތެއް ނެތެވެ.

ބަސްފޮތުގައި ބުނާގޮތުން “އަޅައިބެލުން” ބޭނުންކުރެވެނީ، ދެ އެއްޗެއްގައި ނުވަތަ ދެ ކަމެއްގައި ހުރި އެއްގޮތް ކަމެއް ނުވަތަ ތަފާތެއް ބެލުމަށެވެ. ބަހުގެ ހަމައިގައި ވެސް ބުނެފައި އޮންނަނީ މި ގޮތަށެވެ. ބަހުގެ ހަމަ މި ގޮތަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރަށް ގިނައިން އެއްޗިއްސާއި ކަންކަމުގެ އެއްގޮތްކަމާއި ތަފާތުކަން ބުނެދޭއިރު، އަޅައިކިޔާފައި ހުއްޓާ ފެނެއެވެ.

  • ބާޒާރުގައި ފިޔާގެ އަގުތައް ހުރި މިންވަރު އަޅައިކިޔާއިރު މި ދިޔަ އަހަރު މާ އަގުބޮޑެވެ. 
  • އެކަކު އަނެކެއްގެ ސިފަތައް އަޅައިކިޔުން މިހާރަކަށް އައިސް އިންސްޓަގްރާމުގައި ވަރަށް ބޮޑެވެ.
  • ކުރިއާ އަޅައިކިޔާއިރު އޭނާގެ ކުޅުން މާ ބޮޑަށް ވެސް ރަނގަޅުވެއްޖެއެވެ.

ބަހުގެ ހަމައަށް ރިޔާޢަތްކުރާއިރު، މިއިން އެއްވެސް ޖުމުލައަކަށް އަޅައިކިޔުމެއް ނާންނާނެއެވެ. މި ހުރިހައި ޖުމުލައަކަށް ވެސް އަންނާންވާނީ އަޅައިބެލުމެވެ. ބާޒާރުގައި ހުރި ފިޔާގެ އަގުތައް ވެސް ޖެހޭނީ އަޅައިބަލާށެވެ. މީސްމީހުންގެ ސިފަ ވެސް ޖެހޭނީ އަޅައިބަލާށެވެ. ހަމަ އެ ފަދައިން ކުޅުން ވެސް ޖެހޭނީ އަޅައިބަލާށެވެ. އެހެންކަމުން މި ޖުމުލަތަކުގެ ރަނގަޅު ގޮތަކީ:

  • ބާޒާރުގައި ފިޔާގެ އަގުތައް ހުރި މިންވަރު އަޅައިބަލާއިރު މި ދިޔަ އަހަރު މާ އަގުބޮޑެވެ. 
  • އެކަކު އަނެކެއްގެ ސިފަތައް އަޅައިބެލުން މިހާރަކަށް އައިސް އިންސްޓަގްރާމުގައި ވަރަށް ބޮޑެވެ.
  • ކުރިއާ އަޅައިބަލާއިރު އޭނާގެ ކުޅުން މާ ބޮޑަށް ވެސް ރަނގަޅުވެއްޖެއެވެ.

އުއްމީދަކީ، ދިވެހިބަހުން ލިޔެކިޔުމުގައި، ހުރިހައި ފަރާތްތަކުން ވެސް މި ފަދަ ހަމަތަކަށް ވިސްނައިގެން، ފައްތައިގެން ލިޔުމަށް މަސައްކަތްކުރުމެވެ. އޭރުން ތިޔަ ލިޔާ ލިޔުންތަކުން ފެންނަ ބަހުގެ ކުށްތައް ދުވަހުން ދުވަހަށް އަންނާނީ މަދުވަމުންނެވެ. ލިޔުމުގެ ފެންވަރު އަންނާނީ ރަނގަޅުވަމުންނެވެ.

ނިމުނީ

Be the first to comment

ޚިޔާލު