ރަސްފަންނުގައި ގައި ހުރި ޖޯލިފަތިތަކުން ޖޯއްޔެއްގައި އިށީނދެލައިގެން އިން ޒުވާން އަންހެންކުއްޖާގެ މޫނަށް ސަމާލުކަމުގެ ނަޒަރެއް ދެވުނީ އެއްވެސް އިޚުތިޔާރެއްނެތިއެވެ. ވަރަށް ކުއްލި ގޮތަކަށެވެ. އެއީ ރީތިމޫނެކެވެ. ބަލާފޫހިނުވާ ކަހަލަ ގޮތެއް އެބަހުއްޓެވެ. އެހެންނަމަވެސް މި އުޅެނީ އެ މޫނުގެ ޖާދޫގައި ޖެހިގެނެއްނޫނެވެ. އެ މޫނުމަތިން ފެންނާން ހުރި ހިތާމައިގެ ބަނަކަން ފެނިގެންނެވެ. ދިގު އެސްފިޔަތަކަކާ އެކު ހުޅުވިފައިވާ އެ ބޮޑު ދެ ލޮލުގައި ހުރި ރަތްކަމާއި ވީރާނާކަން ފެނިގެންނެވެ. ކަޅިޖަހާނުލައި އެ ނާޒުކުމޫނަށް ބަލާން ހުރެވުނީ އެހެންވެއެވެ. ތަފާތު ކުލަތައް އެ މޫނަށް އަރައި ފައިބަމުންދެއެވެ. ހިތުގައި ކެކި އަރަމުން ދަނީ ކޮން ފަދަ ވޭނެއްކަމެއް ނޭނގެއެވެ.
މަޑު ފިޔަވަޅުތަކެއްގައި، އެހެނަސް މި ހިނދަށް ދުނިޔެއާ ވަކިވުމަށް ޓަކައި، ދުވާލުގެ ރަސްގެފާނު ކުރަމުން އެ ގެންދާ ދަތުރަށް ނިމުން އައުމުގެ ވަގުތު ކުޑަތަންވަނީއެވެ. ޖޯލިފަތީގައި އިން އެކަނިވެރި އަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ އުޑުމަތީގައި ތަފާތު ކުލަތަކުން ކުލަޖެހެމުންދާ ވިލާތަކަށެވެ. ނުވަތަ ހަމަހިމޭންކަން އިޚުތިޔާރު ކޮށްފައިވާ ކަނޑުގެ ލޮނުގަނޑަށެވެ
“އޭތް! މާއިޝާ!”
ހަރުކަށި ރާގަކަށް މީހަކު ގޮވާލި އަޑާ އެކު އެ އަންހެންކުއްޖާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އަޑުއައި ދިމާއަށް އަވަސްއަވަހަށް އޭނާ ބަލައިލިއެވެ. އޭރު އޭނާގެ ކުރިމަތީގައި ހުރީ އޭނާއާ ދާދި އެއްފުރައިގެ، އެއް އިސްކޮޅެއްގެ އަންހެންކުއްޖެކެވެ. އެ ކުއްޖާގެ މޫނުމަތީން ފެންނާން ހުރީ ރުޅިވެރިކަމެވެ. އެ ކުއްޖަކު ފެނުމާ އެކު، އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ހީވީ ބޮޑު ބިރެއް ފެނުނުހެންނެވެ.
އެ ކުއްޖާ ފެނުމުން އެ ވަރަކަށް އޭނާ އެ ސިހުނީ ކީއްވެގެން ބާވައެވެ؟ ބިރުގަތީ ކީއްވެގެން ބާވައެވެ؟ އެ ކުއްޖާގެ މޫނުމަތިން ފެންނާން ހުރި ނުރުހުމާއި ރުޅިވެރިކަމުގެ އަސްލަކީ ކޮބާވައެވެ؟ އެ އަޑުގައި އެ ފަދަ ހަރުކަށިކަމެއް ހުރީ ކީއްވެގެން ބާވައެވެ؟ ހައްތާވެސް ސުވާލެވެ.
ވަރަށް އަމުރުވެރި ފާޑަކަށް ހަރުކަށިކަމާ އެކު އެ ބުނިއެއްޗެއް ބުނެފައި އެ ކުއްޖެކު އެނބުރި އައި ކޮޅަށް ހިނގައި ގެންފިއެވެ. މާއިޝާ ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. އެ ހިނގުމުގައި ހުރީ ޖެހިލުންވުމެވެ. ކަންބޮޑުވުމެވެ. ބިރުވެރިކަމެވެ. މޫނުމަތީގައި ވެސް މި ކުލަތަކެވެ.
*******************
މާއިޝާއަކީ މާލޭގެ ތަނަވަސް ދެމަފިރިއެއްގެ ދެމެދުން އުފަންވި ކުއްޖެކެވެ، އެއީ އެ ދެމަފިރިންނަށް ލިބުނު ހަމައެކަނި ފުރާނައެވެ. ފާތުމަތު މާހިރާއާއި އަބްދުލް ޣަފޫރަށްލިބުން ހަމައެކަނި ދަރިފުޅެވެ. ޣަފޫރަކީ މާލޭގެ ނަންމަޝްހޫރު ވިޔަފާރި ވެރިއެކެވެ. ބާޒާރުމަތީގައި ބޮޑު ފިހާރައެއް ހިންގާ، މާލޭގައި އަމިއްލަ ބޮޑު ގޯއްޗެއް އޮތް ތަނަވަސް މީހެކެވެ. އެހެންކަމުން މާއިޝާގެ ނަން ލިޔެވިފައި އޮތީ ނަސީބު ރަނގަޅު ކުދިންގެ ލިސްޓުގައެވެ. ޣަފޫރާއި މާހިރާއާ ދެމަފިރިން މާއިޝާ ދެކެ ވާ ލޯތްބަކީ، އެ ދެމަފިރިންގެ ފުރާނައަށް ވުރެ ވެސް އަގު ބޮޑު ލޯތްބެކެވެ.
މާއިޝާއަށް މާހިރާ ބަލިވެ އިނުމުން، މާހިރާއަށް ލުއިފަސޭހަކޮށް ދުނުމަށް ޓަކައި، ރާއްޖޭގެ އުތުރުގެ ރަށަކުން އެކަނިވެރި އަންހެނަކު އެ ގެއަށް ގެނައެވެ. ދެބައި އުމުރަށްވުރެ ޒުވާން އަންހެނެކެވެ. ނަމަކީ ޝާދިޔާއެވެ. އެއީ ޣަފޫރުގެ ރައްޓެއްސެއްގެ އެހީތެރިކަމާ އެކު ހޯދި އަންހެނެކެވެ. ބިދޭސީއަކު ގޭގައި ގެންގުޅުމަކީ ޣަފޫރަށް ކަމުދާ ކަމަކަށް ނުވާތީއެވެ.
ޝާދިޔާގެ ވަޒީފާއަކީ ގޭތެރޭގެ ކަންކަމުގައި މާހިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މާއިޝާ އުފަންވުމުން، މާއިޝާގެ ކަންކަން ވެސް ޝާދިޔާ ލައްވާ ކުރުވައެވެ. މާހިރާގެ ހުރިހާ ވަގުތެއް ވެސް ހުސްކުރީ މާއިޝާއަށެވެ.
މާއިޝާގެ އުމުރުން ދެއަހަރު ބައި ފުރުމާ އެކު، އެ މަންޖެ ޕުރީސުކޫލަކަށް ވައްދައި ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅިއެވެ. މާއިޝާއަކީ ހިތްއަލި، ތޫނުފިލި ކުއްޖެއްކަމުން ތަޢުލީމީ ހަރުފަތްތައް ގިރާ ކުރަމުން، ކުރިއަރަމުން އައީ ކާމިޔާބުގެ ހަލުވި ދުވެލީގައެވެ. އުފަލާއި ތަނަވަސް ކަމުގެ ހިޔަލުގައެވެ. އެހީތެރިކަމާއި، އަޅައިލުމާއި، އަގުހުރި އެތައް ނަސޭޙަތްތަކެއްގެ ތެރެއިންނެވެ.
ދުވަސްތައް މާޟީއާ އެކުވަމުން އައީ، ހީވެސް ނުކުރާ ފަދަ ހަލުވިކަމަކާ އެކުގައެވެ. މި އަހަރަކީ ގުރޭޑު 7 ގައި މާއިޝާ ކިޔަވަމުން ދިޔަ އަހަރެވެ. ޝާދިޔާގެ އެހީތެރިކަމާއި މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުމާ އެކުގައެވެ. އުފާވެރި ދުނިޔެއެއްގައެވެ. ހިތާމައަކީ ކޮންއެއްޗެއްކަން ހުވަފެނަކުން ވެސް ނުފެނިހުރެއެވެ.
ދުވަސްވަރަކީ މަދަރުސާތަކުގެ އަހަރު ފަހުއިމްތިހާނުގެ ޓެސްޓު ދުވަސްވަރެވެ. މާއްދާ އަކަށްފަހު މާއްދާއަކުން ޓެސްޓު ނެގެމުންދެއެވެ. މި ދުވަސްކޮޅު މާއިޝާގެ އެންމެ ގާތް އެކުވެރިޔަކީ ފޮތެވެ. މަންމަގެ ނަޞޭހަތާ އެއްގޮތަށް އަޅުކަމާއި ކިޔެވުން ނޫން ކަމެއް އޭނާގެ ނޯވެއެވެ.
ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެނބުރި އައިސް، މާއިޝާއާ ބައްދަލުކުރީ ވަރަށް ފޮނިކޮށެވެ. ތާޖުއްދީން ސުކޫލުގެ ގްރޭޑް ހައަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އޭނާއެވެ. އުފަލުގެ ކޮޅެއް ނެތެވެ. ސުކޫލުގެ އިސްވެރިންނާއި މުދައްރިސުން، މާއިޝާގެ އެ ފަޚުރުވެރި ކާމިޔާބަށް ތަހުނިޔާކިޔެވެ. ބެލެނިވެރިންނާއި ކުދިން ވެސް މެއެވެ.
އަނެއް ކޮޅުން މާއިޝާގެ ކުޑަކުޑަ ޢާއިލާ ތައްޔާރުވަމުން އައީ ވަރުގަދަ ޕާޓީއަކަށެވެ. މާއިޝާ ހޯދި ފަޚުރުވެރި ކާމިޔާބަށް ޓަކައެވެ. އެ ކަމުގެ އުފަލުގައެވެ. ޕާޓިއަށް މާއިޝާ ތައްޔާރުކުރީ އޭނާގެ މަންމައެވެ. ހުދުކުލައިގެ ރީތި ހެދުމެއް ލެއްވިއެވެ. ހެދުމާ ގުޅޭ ގޮތުން މޭކަޕް ވެސް ކޮށްދިނީ މަންމައެވެ. ހޯދި ކާމިޔާބުގެ އިނާމެއްގެ ގޮތުން ވަރަށް ރީތި ރަން ހާރެއް އޭނާގެ ކަރުގައި މަންމަގެ އަތުން އެ ދުވަހު އަޅުވައިދިނެވެ.
އެ ރީތި ހާރު ފެނުމުން، މާއިޝާއަށް ލިބުހު އުފަލެއް ވެސް ނޭނގުނެވެ. އޭނާ އުފަލުން މަންމަގެ ގައިގައި ބައްދާލިއެވެ. “ތެންކިޔޫ މަމީ” އޭ ބުނެލެވުނެވެ.
އެ ހާރަކީ މީގެ މަހެއްހައި ދުވަސް ކުރީން އެއް ދުވަހަކު، މާއިޝާ، މަންމައާ އެކު ފިހާރައަކަށް ގޮސް އުޅެނިކޮށް ފެނިގެން ވަރަށް ރީތިވެގެން އުޅުނު ހާރެކެވެ. އެހެންކަމުން މާއިޝައަށް ޗަޕްރައިޒްއަކަށް ގަނެދިނީއެވެ. ބޭނުންވީ މާއިޝާ އުފާކޮށްދޭށެވެ.
ޕާޓީ އޮތީ ދަރުބާރުގޭގައެވެ. އެ ޕާޓީއަށް ސުކޫލުގެ ވެރިންނާއި މުދައްރިސުންގެ އިތުރުން ސްކޫލުގެ އެތައް ދަރިވަރުންނަކަށް ދަޢުވަތުދެވުނެވެ. އާއިލާގެ މެންބަރުންނާއި ރައްޓެހި ރަޙުމަތް ތެރިން ވެސް ގިނަ އަދަދަކަށް އައެވެ. ޕާޓީގައި މާއިޝާ ހުރީ އުފަލުން ފުރިފައެވެ. ތުންފަތްމަތީގައި ވިދަވިދާ ހުރި ހިނިތުންވުން ފެނިފައި މާހިރާއާއި ޣަފޫރުގެ ހިތް ވެސް ނަށަމުން ގެންދެއެވެ. ޝާދިޔާ ވެސް މި އުފަލުގައި ބައިވެރިވަމުން އައެވެ.
މާއިޝާގެ އުމުރުން ބާރަ އަހަރު ފުރި ތޭރަ އަހަރަށް އަޅައިފައިވާއިރު، ފެންނަ ފެނުމަށް އެއީ ފަނަރަ ސޯޅަ އަހަރު ކުއްޖެކެވެ. ރީތިދޮން ކުލައަކާ އެކު، ހެދި ހުރި ރީތި ހަށިގަނޑެކެވެ. ޒުވާން ފިރިހެން ކުދިންގެ ހިތްތައް ތެޅިގަންނަ ފަދަ އަސަރެއް އެ މޫނާއި ހަށިގަނޑުގައި މިހާރު ވެސް އެކުލެވޭން ފަށިފިއެވެ.
ދުވަހަކަށްފަހު ދުވަހެއް، މާޒީގެ ފަތްފުށްތަކާ އެކުވަމުން ދެއެވެ. ގުދުރަތުގެ ގާނޫނާ އެއްގޮތަށެވެ. މާއިޝާގެ ހިތަށް އުފަލާއި ހަމަޖެހުން އިތުރުކުރަމުންނެވެ. ހިނިތުންވުމުގެ ކުލަތަކުން އަލިކުރަމުންނެވެ.
އެއް ދުވަހެއްގެ ހަވީރެވެ. މާއިޝާ އިނީ ބޮޑު ކޮޓަރީގައެވެ. ފޮތެއް ހިފައިގެން ކިޔައިލާށެވެ. އޭގެތެރެއަށް ގެނބި ގެއްލިފައެވެ. އެހެން އިންދާ އިރުކޮޅަކުން އެ ތަނަށް އައީ އޭނާގެ މަންމައެއް ފަދަ ހެޔޮ، ޝާދިޔާއެވެ. ޝާދިޔާ މާއިޝާދެކެ، ދަރިއަކުދެކެ ވާހައި ލޯބިވެއެވެ. ވާނީވެސް އެހެންތާއެވެ. މާއިޝާ ދުނިޔެއަށް ލީ ފުރަތަމަ ނޭވާއިން ފެށިގެން އޭނާ އުޅެމުން އެ އަންނަނީ މާއިޝާއާ އެކުގައެވެ. މާއިޝާގެ ކަންކަމުގައެވެ. އަނެއްކޮޅުން ޝާދިޔާއަކީ ދެ މީހުންނާ އިނދެ، ވަރިވެފައި އިން އަންހެނެއް ނަމަވެސް ދަރިއަކު ލިބިފައިވާ މީހެއްނޫނެވެ.
ޝާދިޔާ އައިސް މާއިޝާގެ ގާތުގައި މަޑުކޮށްލުމުން މާއިޝާ އިސްއުފުލައި ބަލައިލިއެވެ.
“ޝާދިޔާ ދައްތާ!” މާއިޝާ ހިނިތުންވެލިއެވެ. “ކިހިނެއްވީ؟” މާއިޝާގެ އަޑުގައި ހުރީ ގާތްކަމެވެ.
“ކަމެއްނުވޭ! ދަރިފުޅު ފޮތެއް ކިޔާން އިނީމަ މަޑުކޮށްލީ. ސައި ބޯނީ ކޮން އިރަކުން؟” ޝާދިޔާ އަބަދުވެސް މާއިޝާއާ މުޚާތަބުކުރަނީ ދަރިފުޅުގެ ނަމުންނެވެ.
“މަންމަ ކޮބައި؟ ސައިބޮއިފި؟” މާއިޝާ އަހައިލިއެވެ.
“އަދިނުބޮއި. އެބަ އޮތް ކޮޓަރީގައި.”
“ނިދިފައި؟” އަތުގައި އޮތް ފޮތް ލައްޕާލުމުން މާއިޝާ އަހައިލިއެވެ.
“މަންމަ އުޅެނީ ކުޑަކޮށް ބޮލުގަ ރިއްސާތީ. ދަރިފުޅަށް ސައިދޭށޭ ބުނީ.”
މާހިރާއަށް ކިތަންމެ ކުޑަ ކަމެއް ވިޔަސް، މާއިޝާ ވަރަށް ކަންބޮޑުވާނެއެވެ. ގާތުން ދުރަށް ވެސް ނުދާނެއެވެ. އަބަދުވެސް އިންނާނީ މަންމަގެ ޚިދުމަތުގައެވެ. ގޭގައި މީހުން ގެންގުޅުނު ނަމަވެސް މަންމަ ބަލިވެއްޖެއްޔާ، މާއިޝާ ބޭނުންވާނީ ހުރިހައި ކަމެއް ވެސް އޭނާގެ އަމިއްލަ އަތުން ކޮށްދޭށެވެ. މިހައި ކުޑައިރު ވެސް އޭނާ ބޭނުންވާ ގޮތަކީ އެއީއެވެ.
ޝާދިޔާގެ ދުލުން މަންމަގެ ބޮލުގައި ރިއްސާ ވާހަކަ ބުނުމާ އެކު، އަވަސް އަވަހަށް މާއިޝާ ތެދުވިއެވެ. ބާރުބާރަށް ހިނގައިގަތީ، މަންމަމެންގެ ކޮޓަރިއާ ދިމާއަށެވެ.
“މަންމީ!” ކޮޓަރިއަށް ވަންނަމުން މާއިޝާ ގޮވައިލިއެވެ. ލޯތްބާ އެކުގައެވެ. “މަމީ ކިހިނެއްވީ؟” މަންމަގެ މަގަތުގައި މާއިޝާ އިށީނދެ މާހިރާގެ އަތުގައި ހިފަހައްޓައިލިއެވެ.
“ދަރިފުޅު ސައިބޮއިފިން؟” މާއިޝާގެ ބޮލުގައި، ލޯތްބާ އެކު މާހިރާ ފިރުމައިލިއެވެ.
“ސައިބޯ ހިތެއް ނެތް! ޝާދިޔާ ދައްތަ ބުނި މަންމި އުޅެނީބޮލުގަ ރިއްސާތީއޭ.”
“އާނ! ކުޑަކޮށް ބޮލުގައި ރިއްސާތީ މި އޮންނަނީ.” ވަރަށް ބޮޑު ވޭނެއް ތަޙައްމަލުކުރާ ކަހަލަ އަސަރެއް މާހިރާގެ އަޑުގައި އެކުލެވިފައި ހުއްޓެވެ.
“މަންމިގެ ބޯ ހާދަ ހޫނޭ!” މާހިރާގެ ބޯ މޮޑެލައިދޭންވެގެން އަތްޖައްސާލުމާ އެކު، މަންމަގެ ބޯ ހޫނުވެފައިވާ މިންވަރު މާއިޝާއަށް ފާހަގަކުރެވުނެވެ. “މަންމި ހުން އައީތަ؟” މާއިޝާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ.
“މަންމި ހުމެއް ނާދެއޭ ދަރިފުޅާ!” މާހިރާ މަސައްކަތްކުރީ، މާއިޝާގެ ހިތްހަމަޖައްސައި ދެވޭތޯއެވެ. އެއްވެސް ކަމަކާ، ދަރިފުޅު ކަންބޮޑުވެ، ފިކުރުބޮޑުވުމަކީ މާހިރާ ބޭނުންވާ ގޮތެއް ނޫނެވެ.
“ޑެޑީއަށް ގުޅަންތަ؟” މާއިޝާ އުޅުނީ އެނދުމަތީގައި އޮތް މާހިރާގެ ފޯނު ނަގާށެވެ.
“ދަރިފުޅާ! ދެންމިއީ އެ ވަރުގެ ކަމެއް ނޫނޭ!” މާއިޝާގެ ބޮލުގައި ފިރުމައިލަމުން، މާހިރާ ހިނިތުންވެލިއެވެ. އޭނާގެ ހާލަތު ރަނގަޅުކަން މާއިޝާއަށް ދެއްކުމަށް ޓަކައެވެ. އެހެންނަމަވެސް ޙަޤީޤަތަކީ، އޭނާގެ ބޮލުގައި ވަރަށް ވަރުގަދައަށް އެބަ ރިހެއެވެ.
“ޕެނަޑޯލުގުޅައެއް ގެނަންތަ؟”
“ބައްޕަ ވަރަށް އަވަހަށް އަތުވެދާނެ! ދަރިފުޅު ދެން މި ކަމާ ނުވިސްނައި ދޭ ސައިބޯން!”
މާހިރާގެ ގާތުން ދުރަށް ދާކަށް މާއިޝާ ބޭނުމެއް ނުވިއެވެ. ބޯ މޮޑެލަމޮޑެލައި އިނީއެވެ. މާއިޝާގެ ކުޑަކުޑަ އޯގާވެރި އަތުން އެ ގޮތަށް ބޯ މޮޑެލައިދޭން ފެށުމުން، މާހިރާގެ ބޮލަށް ލުއިކަން ލިބޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ދަރިފުޅު އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން އެނގޭތީ، ހިތަށް ލިބޭ ފިނިކަން އަދި މާ ބޮޑެވެ. ލޯ މަރާލައިގެން އެހެން އޮތް އިރު ވެސް، ހިތާ ހިތުން އޭނާއަށް ކުރެވެމުން ދިޔައީ، ދަރިފުޅަށް ހެޔޮ ގޮތް މިންވަރުކޮށްދެއްވުމަށް އެދި ކުރެވޭ ދުޢާއެވެ.
ޣަފޫރަށް ގެއަށް އާދެވުނީ އިރު އޮއްސުނުފަހުންނެވެ. އޭރު މާހިރާ އޮތީ ވަރަށް ބޮޑަށް ހުން ގަދަވެފައެވެ. ބޯ ވެސް ހީވަނީ ލުހިގެން އަރައިފާނޭ ހެންނެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. މާހިރާ އޮތް ހާލަތު ފެނިފައި ޣަފޫރު އަވަސްވެގަތީ، މާހިރާ ހަސްފަތާލަށް ގެންދިޔުމަށެވެ.
ޑޮކްޓަރު ވަރަށް ރަނގަޅަށް މާހިރާ ބެއްލެވިއެވެ. މާ ބޮޑު މައްސަލައެއް ނެތްކަމަށް ވިދާޅުވަމުން، ބޭސް ސިޓީއެއް ލިޔެދެއްވިއެވެ. ޑޮކްޓަރުގެ ވާހަކަތައް އިވިފައި، ގާތުގައި ހުރި މާއިޝާގެ ނުތަނަވަސްވެ، ބަރުވެފައިވާ ހިތަށް ފިނިކަމާއި ލުއިކަން ލިބުނެވެ.
ގެއަށް އައި ގޮތަށް މަންމައަށް ބޭސް ދިނުމަށް މާއިޝާ އަވަސްވެގަތެވެ. ޝާދިޔާ ގެނައި އޮރެންޖް ޖޫސްތަށި ބޮއިގެން މާހިރާ ބޭސްކެއެވެ. އެއަށްފަހު އަރާމުކޮށްލުމަށް ޓަކައި ޖައްސާލިއެވެ. ހައްޓަށް ލުއިވުމުން ތެދުވާން ނިޔަތްގަނެގެނެނެވެ. އެހެންނަމަވެސް ފަނަރަވަރަކަށް މިނެޓު ފަހުން، މަންޒަރު މުޅީން އެހެން އަތަކަށް ފުރޮޅިއްޖެއެވެ. ކުއްލިއަކަށް މާހިރާ ހޮޑުލާން ފަށައިފިއެވެ. ކުޑަކުޑަކޮށެއް ނޫނެވެ. ވަރަށް ގަދައަށެވެ. ޣަފޫރަށާއި މާއިޝާއަށާއި ޝާދިޔާއަށް ލިބުނީ ސިހުމެވެ. ވެރިވި ހާސްކަން ވަކީން ބޮޑުވިއެވެ. ދިމާވެދާނޭކަމަށް ހީ ވެސް ނުކުރާ ކަހަލަ ގޮތެއް ކުއްލިއަކަށް ކުރިމަތިވުމުންނެވެ.
ހޮޑުލެވުނުލެއް ގިނަކަމުން މާހިރާގެ ގައިން ވަރުހުސްވެއްޖެއެވެ. އަނެއްކާ ވެސް ހަސްފަތާލަށް ގެންދިޔުން ނޫން ގޮތެއް ނެތެވެ. އެހެންކަމުން އޭނާ ގޮވައިގެން އެންމެން ކާރުގައި ހަސްފަތާލަށް ނައްޓާލިއެވެ. ކާރުގައި މަންމަގެ އަތުގައި ހިފަހައްޓާލައިގެން އިން މާއިޝާގެ ދެ ލޯ ވަނީ ކަރުނައިން ފޯވެފައެވެ.
ގަޑިން އެ ރޭގެ ދިހަގަޑި ބައިވަނީއެވެ. މާހިރާ އޮތީ ހަސްފަތާލުގައެވެ. އެނދުމަތިކޮށްފައެވެ. އައިވީ ގުޅާފައެވެ. އޭނާގެ ހަށިގަނޑަކު ހަކަތައެއް ނެތެވެ. ލޯ ހުޅުވާލައިހައި ވަރު ވެސް ނެތެވެ. އެހައި ކުއްލި ގޮތަކަށް މަންމަގެ ހާލު އެހައި ދަށަށް ދިޔުމުން، މާއިޝާގެ ހިތަށް ވަނީ ވަރަށް ފުން އަސަރެއް ކޮށްފައެވެ. އޭނާގެ ދެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. މަންމަގެ ގާތުން ދުރަކަށް ނުދެއެވެ. ފިރުމައިލަފިރުމައިލައި އިންނަނީއެވެ. ކެއުމެއް ބުއިމެއް ނެތެވެ. ޝާދިޔާއާއި ޣަފޫރާ ދެ މީހުން، އެތައް ވަރަކަށް ބުނެ ކިޔައިގެން ޔޯގަޓެއް ކައިލިއެވެ.
ހަސްފަތާލުން ދިން ފަރުވާއިން، މާހިރާގެ ހޮޑުލުން ހުއްޓުމަކަށް އަތުވެއްޖެއެވެ. އެހެންނަމަވެސް ގަޔަކު ވަރެއް ނުޖެހެއެވެ. ކުޑަމިނުން ލޯ ހުޅުވައިލާހައި ވަރު ވެސް ނެތެވެ. ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމާއި ލޮޑުކަމުގެ ސަބަބުން އޭނާއަށް އޮތީ ނިދޭ ގޮތްވެފައެވެ. އޭނާއަށް އެހައި ގިނައިން ހޮޑުލެވި، ވަރުދެރަވީ، ނުގުޅޭ ބޭހެއް ދެވިގެންކަން އެނގުނީ، ފަހުން ބެއްލެވި ޑޮކްޓަރުގެ ފަރާތުންނެވެ. މައްސަލަ އުފެދުނީ ބޭސްފިހާރައާ ހިސާބުންނެވެ. ބޭސްވިއްކި މީހާގެ ފަރުވާކުޑަކަމުގެ ސަބަބުންނެވެ. ނުވަތަ އެރި އޮޅުމަކުންނެވެ.
ހޮޑުލުމަށް މެދުކެނޑުމެއް އައެއްކަމަކު، މާހިރާގެ ހުން ވިހެލާގޮތެއް ނުވެއެވެ. ގަޔަކު ވަރެއް ނުޖެހެއެވެ. ގުޅާފައި ހުރި އައިވީ ކުރަމުން ދިޔަ މަސައްކަތުން އެހީތެރިކަމެއް ފޯރުކޮށެއް ނުދެވެއެވެ.
މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. މާހިރާގެ ގާތުގައި ތިބީ ޣަފޫރާއި މާއިޝާއެވެ. މާއިޝާގެ ގާތުގައި ކިޔައިކިޔައި ވެސް ގެއަށް ނުދިޔައީއެވެ. މަންމިއާ އެކުގައި ނޫނީ ނުދާންވެގެން އިނީއެވެ. މިހާރު އެ ދެ ބަފައިންނަށް ތިބީ ނިދިޖެހިފައެވެ. މާއިޝާ އިނީ ގޮނޑީގައެވެ. މާހިރާ ބާއްވާފައި އޮތް އެނދުގައި ބޯ އަޅާލައިގެންނެވެ. ޣަފޫރު އިނީ ގޮނޑީގައި ލެނގިލައި، ދެ ފައި ދަމާލައިގެންނެވެ.
މާއިޝާއަށް ކުއްލިއަކަށް ހޭލެވުނީ، އޭނާގެ ކޮނޑުގައި މީހަކު ވަރަށް ބާރަށް ހިފައި ފިތާލުމުންނެވެ. ސިހިފައި އޭނާއަށް އެ އަތަށް ބަލައިލެވުނެވެ. ދެ ލޯ ބޮޑުކޮށްލަމުންނެވެ. އެއީ އެނދުގައި އޮތް މާހިރާގެ އަތެވެ. މާއިޝާއަށް އަވަސް އަވަހަށް ބޯ އުފުލާލައި މާހިރާއާ ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު ފެނުނު މަންޒަރެއްގެ ސަބަބުން މާއިޝާ ދިޔައީ ސިއްސައިގެންނެވެ.
މާހިރާގެ ހަށިގަނޑަށް ވަނީ އާދަޔާޚިލާފު ބާރެއް އަރާފައެވެ. އުޑުތިލަމަތީން އޮތް އިރު، ދެ ލޯ ހުރީ ބޮޑުވެ، ދެ ކަޅި ވިދިފައެވެ. މޭ އުފުލިފައެވެ. ހަތަރެސްފަޔަށް ވާން އަރާފައެވެ. ނޭވާ ނުލެވިގެން އުޅޭހެން ވެސް ހީވެއެވެ.
މި މަންޒަރު ފެނިފައި މާއިޝާގެ މޭ ތެޅިގަތެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އެއާއެކު ބާރަށް ރޮއިގަނެވުނެވެ. ޣަފޫރަށް ހޭލެވުނީ މާއިޝާ ރޮއިގަތް އަޑަށެވެ. އޭރު މާއިޝާ ހުރީ މާހިރާގެ މޭގައި އަތްފިރުމާލަފިރުމާލައެވެ. ޣަފޫރަށް ގޮތް ހުސްވި ކަހަލައެވެ. ދެ ލޯ ބޮޑުވެ ހާސްވެފައި ހުރެ، ފުރަތަމަ ޖެހިލެވުނީ މާހިރާގެ ގާތަށެވެ. ދެން ދުއްވައިގަނެވުނީ ކޮޓަރިން ބޭރަށެވެ. ޑޮކްޓަރު ބަލައެވެ.
ޣަފޫރު ނިކުމެގެން ދިޔަތާ ތިރީހަކަށް ސިކުންތު ވެސް ނުވާނެއެވެ. މާހިރާގެ ހަށިގަނޑަށް ކުއްލި ހިމޭންކަމެއް އަތުވެއްޖެއެވެ. ބާރު އަރައި ވާންވެފައި ހުރި، އަތްފަޔަށް ލުއިކަން ވެރިވެ، ދޫޖެހިއްޖެއެވެ. އުފުލިފައިވާ މޭ ތިރިވެއްޖެއެވެ. އެނދުގެ ދިގަށް ހަށިގަނޑު ދެމިލައިފިއެވެ.
މާހިރާގެ ހަށިގަނޑަށް އައި ކުއްލި ހިމޭންކަމާ އެކު، މާއިޝާގެ މޭ ތެޅިގަތެވެ. ހިތަށް ބިރުވެރިކަން ވަދެ، އެ ހިތް ތަޅުވައިގަތީ މާ ބާރަށެވެ. ކަޅިޖަހާނުލައި މަންމަގެ މޫނަށް ބަލާންފެށުނެވެ. ދެބައިކުޅަ އެއް ބަޔަށް ހުޅުވިފައިވާ ދެ ލޮލަށެވެ. ހުއްޓިފައިވާ ކަޅިއަށެވެ.
މަންމައަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. އޭނާގެ ޅަ ސިކުނޑި އޭނާ ގޮވައިގެން ހަޤީޤަތާ ހަމައަށް ތިލަ ނުވިޔަސް، އެ ހިތުގައި ބިރުވެރި ވަސްވާސްތަކެއް އުފެދި، ހައިޖާނެއް އުފައްދައިފިއެވެ. އެއާއެކު ދެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގެންފިއެވެ. ބޭނުންވީ ބާރަށް ރޮއިގަންނާށެވެ. އެހެންނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ނޭވާއެއް ނުލެވުނެވެ. އޭނާއަށް ހާސްވެގެން ތެޅެގަނެވުނެވެ.
މާއިޝާއަށް ހޭލެވުނީ އެ ވަގުތުއެވެ. ނޭވާ ނުލެވި ހާސްވެގެންނެވެ. ހޭލެވުމާ އެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ލޯ ހުޅުވާލުމަށްފަހު ފުރަތަމަ ވެސް އޭނާއަށް ބަލައިލެވުނީ އެނދުގައި އޮތް އޭނާގެ މަންމައާ ދިމާއަށެވެ. އެނދުގައި ހަމަ އެ އޮތް ގޮތަށް މަންމަ އޮތެވެ. ނިދިފައެވެ. މާއިޝާގެ ތެޅިތެޅި އޮތް ހިތަށް ހަމަޖެހުން ލިބުނެވެ. ޖެހިގެން ހުރި ގޮނޑީގައި ނިދިފައި އިން، ބައްޕައާ ދިމާއަށް ބަލައިލުމަށްފަހު ދެން އޭނާ ބަލައިލީ، މަންމަގެ ހަށިގަނޑަށް ގުޅާފައި ހުރި އައިވީ ފުޅިއަށެވެ. އޭރު އައިވީ ފުޅި ހުރީ ހުސްވެ، ދެ ފުށް ޖެހިފައެވެ.
މާއިޝާ ތެދުވިއެވެ. ބައްޕައަށް ގޮވާލަން ކަމަށެވެ. ހަމަ އެ ވަގުތު ޣަފޫރަށް ހޭލެއްވިއްޖެއެވެ. މާއިޝާގެ ފިޔަވަޅުގެ އަޑު އިވިފައެވެ.
“ކިހިނެއްވީ ދަރިފުޅާ!” ޣަފޫރު ތެދުވިއެވެ. އޭނާގެ އަޑުގައި ހުރީ ނިދީގެ އަސަރެވެ.
މާއިޝާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި، އޭނާއަށް ވެސް ފުރަތަމަ ބަލައިލެވުނީ އެނދުގައި ނިދިފައި އޮތް މާހިރާއާ ދިމާއަށެވެ.
“އައިވީ ހުސްވެފައި އެހެރީ.”
“އެހެންތަ؟ ދަރިފުޅު ގޮސް ނަރުސް ގާތު ބުނެލަންވީނު!”
ޣަފޫރު އެހެން ބުނުމާ އެކު މާއިޝާ އަވަސް އަވަހަށް ހިނގައިގަތެވެ. ކޮޓަރިން ނިކުތުމަށެވެ. ހޮސްޕިޓަލުގައި އުޅޭން ފެށުމުން ނަރުހުން ތިބޭ ތަން އޭނާއަށް މިހާރު އެނގެއެވެ.
“މަންމިގެ ހުން އެބަ ހުރިތަ މިހާރު؟” ޣަފޫރު ކުރިއަށް ފިޔަވަޅެއްއަޅަމުން އަހައިލިއެވެ. އޭރު މާއިޝާ ނިކުމެގެން ހިނގައްޖެއެވެ. ޣަފޫރު ކުރި ސުވާލު މާއިޝާގެ ކަންފަތާ ހަމައަށް ފޯރުހެނެއް ހިޔެއް ނުވެއެވެ.
ޣަފޫރު ގޮސް މާހިރާގެ ގާތަށް ހުއްޓި، ނިތްކުރިއާއި ކަރުދަށުގައި އަތް ޖައްސާލިއެވެ. މާހިރާގެ ހަށިގަނޑުގައި ހުމުގެ އެއްވެސް އަސަރެއް މިހާރަކު ނެތެވެ. އެއާޚިލާފަށް އެ ހަށިގަނޑުގައި ވަނީ އާދަޔާޚިލާފު ފިނިކަމެކެވެ. އެ ފިނިކަން އިހުސާސްވުމާ އެކު، ޣަފޫރުގެ ހިތް ބިރުވެރި ތެޅުމަކުން ތެޅިގެންފިއެވެ. އޭނާ އަވަސްއަވަހަށް ހޮޅިބުރި ދިއްލާލިއެވެ.
ނަރުހާ އެކު މާއިޝާ އައިސް ކޮޓަރިއަށް ވަނީ އެ ވަގުތުއެވެ. މާއިޝާއަށް ފުރަތަމަ ވެސް ބަލައިލެވުނީ، ހުއްޓުން އަރާފައި ހުރި ޣަފޫރުގެ މޫނަށެވެ. އެހެންނަމަވެސް އެ މޫނުމަތީން ފެންނާން ހުރި ނުތަނަވަސްކަން މާއިޝާގެ ޅަ ސިކުނޑިއަށް ނަގައިގަނެވުނުހެނެއް ހިޔެއް ނުވެއެވެ.
ނަރުސް އައިސް މާހިރާގެ ގާތަށް ހުއްޓި، ފުން ނަޒަރަކުން މާހިރާގެ މޫނަށް ބަލައިލިއެވެ. އެ ވަގުތު އޭނާގެ ހިތް ވެސް ތެޅިގަތެވެ. ބިރުވެރި ތެޅުމަކުންނެވެ. ދެ ލޯ ބޮޑުވިއެވެ. ނަރުސްގެ ހަރަކާތްތަކަށް ބަލާން ހުއްޓުން އަރާފައި ތިބި ދެ ބަފައިންގެ މޫނަށް އޭނާއަށް ބަލައިލެވުނެވެ. އެ ބަލައިލުމަކީ އާދައިގެ ނަޒަރަކުން ބަލައިލި ބަލައިލުމެއް ނޫނެވެ. ބުނާ ކަހަލައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!
މާއިޝާއަށް ރޮއިގަނެވުނީ މަންމަގެ ފުރާނަ ނެތްކަން ޑޮކްޓަރު އައިސް ކަށަވަރުކޮށްދިނުމުންނެވެ. ޣަފޫރުގެ ދެ ލޮލުން ވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގަތެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރިއެވެ. ދަރިފުޅަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ހިތްވަރެއް ހޯދައިދެވޭތޯ ބެލިއެވެ.
ޣަފޫރު ދެއްކި ވާހަކަތަކުން މާއިޝާގެ ކުދިކުދިވެފައިވާ ހިތަށް ލުއިކަމެއް ހޯދައެއް ނުދެވުނެވެ. އެ ހިތް ރޮނީއެވެ. ގިސްލަނީއެވެ. ދެން އޭނާއަކަށް އޭނާގެ ލޯބިވާ މަންމައެއް ނުފެންނާނެއެވެ. އޭނާގެ ގައިގައި ފިރުމާލަދޭކަށް ނީންނާނެއެވެ. މީރު ކައި އެއްޗެއް ކާންދޭކަށް ނާންނާނެއެވެ. ރީތި ހެދުމެއް ހޯދައިދޭކަށް ނުހުންނާނެއެވެ.
މާއިޝާއާއި ޣަފޫރުގެ ދިރިއުޅުމުގެ އުފާވެރިކަން އަބަދުގެ އަބަދަށް، އެ ދެ ބަފައިންނާ ވަކިވެ ދިޔަކަމުގެ ހިތި އިހުސާސް ކުރެވެމުން ދިޔައެވެ. މާއިޝައަށް ކުރެވެމުން ދިޔައީ އެކަނިވެރިކަމުގެ އިހުސާސެވެ. ދުނިޔެއަށް ގިނަވެ، ބާކީވި ކަމުގެ އިހުސާސެވެ. އަޅައިލާނޭ މީހަކު ނެތްކަމުގެ އިހުސާސެވެ. އެހެންނަމަވެސް އެހެނެއް ނުވާނެއެވެ. ޣަފޫރު ގަދަވެ ސަލާމަތުން ހުރިހައި ދުވަހަކު، މާއިޝާ އެކަނިވެރިވެ ބިކަވިޔަކަ ނުދޭނެއެވެ.
މާހިރާ ދުނިޔެ ދޫކުރުމުން ޣަފޫރު އުޅެން ޖެހުނީ އެކަނިވެރި މޮޅިވެރި ދުނިޔެއެއްގައެވެ. ހިތާމައާއި ކެކުޅުމުގެ ދުނިޔެއެއްގައެވެ. އޭނާއަށް ގުނާން ޖެހުނީ ފަޅު ދުވަސްތަކެކެވެ. ގިނަ ވަގުތު އޭނާ އޮންނަނީ ކޮޓަރީގައެވެ. ފިހާރައަކަށް ނުދެއެވެ. މާހިރާގެ ހަނދާނުގައި ކަރުނައިގެ ބައިވެރިއަކަށްވެގެން އޮވެ، ވަގުތުތައް ހޭދަކުރަމުން ދިޔައެވެ.
މާއިޝާއަށް ލިބިފައިވާ ހިތާމަތައް ލުއިކޮށްދެވޭތޯ، ޝާދިޔާ ވަރަށް މަސައްކަތް ކުރިއެވެ. އޭނާގެ ހުރިހައި ވަގުތެއް މާއިޝާއަށް ޓަކައި ހުސްކުރިއެވެ. ކުރިއަށްވުރެ ވެސް ބޮޑަށް މާއިޝާއަށް ލޯތްބާއި އަޅައިލުން ދޭންފެށިއެވެ. ފުރަތަމަކޮޅު މާ ބޮޑު ނަތީޖާއެއް ނުފެނުނު ނަމަވެސް، ދުވަސްކޮޅެއް ފަހުން މާއިޝާގެ ހިތާމަތަކަށް ލުއިކަން ލިބޭން ފަށައިފިއެވެ. ދެ ލޮލުން ކަރުނަ ހިކޭން ފަށައިފިއެވެ. ކައިބޮއި ހެދުމާއި ވާހަކަދެއްކުން އިތުރުވާން ފަށައިފިއެވެ. މަދުމަދުން ނަމަވެސް ހިނިތުންވެލާތަން ފެންނާން ފަށައިފިއެވެ. މާއިޝާއަށް މި ބަދަލުތައް އަންނާން ފެށުމުން ޝާދިޔާގެ ހިތަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ.
މަންމަ ނިޔާވުމަކުން މަންމަގެ އަގުހުރި ނަސޭޙަތްތައް މާއިޝާގެ ކަންފަތުން ފިލައިގެނެއް ނުދެއެވެ. މަންމަ އަބަދު ވެސް އޭނާއަށް ދިން ނަސޭޙަތަކީ ކިޔަމަންތެރި ކުއްޖަކަށް ވުމަށެވެ. ދީނަށް ލޯބިކުރާ ކުއްޖަކަށް ވުމަށެވެ. މޮޅަށް ކިޔަވަން މަސައްކަތްކުރާ ކުއްޖަކަށް ވުމަށެވެ. އެ އަޑު އޭނާގެ ކަންފަތުގައި އަބަދު ވެސް ގުގުމަމުން ދެއެވެ. އެހެންކަމުން ވަރަށް ވަރުގަދަ އަޒުމެއް އޭނާ ކަނޑައެޅިއެވެ. ކިޔަވައިގެން މޮޅު ކުއްޖަކަށްވުމަށެވެ. ފަސް ވަގުތު ނަމާދުކޮށް، ޤުރުއާން ކިޔަވައި، މަންމަގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާކުރުންމަތީ ދެމިހުރުމަށެވެ. އޭނާގެ އުއްމީދަކީ މަންމަ ދެކެމުން އައި ހުވަފެނުގައި ރަން ކުލަ ޖެއްސުމެވެ.
ދުވަސްތައް މާޒީގެ ފަތްފުށްތަކާ މެހެމުންދެއެވެ. ވަގުތުގެ ދީލަތި އެހީތެރިކަމާ އެކު، ޣަފޫރަށާއި މާއިޝާގެ ހިތަށް ފަރުވާ ލިބެމުންދެއެވެ. މިހާރު ޣަފޫރުގެ ދިރިއުޅުން އާދައިގެ ހާލަތަކަށް އަންނާން ފަށައިފިއެވެ. ކުރިއެކޭ އެއްގޮތަށް ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ނަމަވެސް ބުރަކޮށް މަސައްކަތުގައި އުޅެފައި، ގެއަށް އައިސް ވަނުމާ އެކު، ވަރަށް ބޮޑު ފަޅުކަމެއް އޭނާއަށް އިހުސާސް ކުރެވެއެވެ. މާހިރާގެ ފަރާތުން ލިބޭ އެހީތެރިކަމާއި ޚިދުމަތްތައް ނުލިބޭތީއެވެ. އެއްޗެއްގެ މުހިންމުކަން އިހުސާސްކުރެވޭނީ، އެ އެއްޗެއް އަތްމަތީން ބިވިމުންނޭ ބުނާ ބަހުގެ ތެދުކަން މިއަދު އޭނާއަށް ގަބޫލުކުރެވެއެވެ. މާހިރާއަކީ އޭނާގެ ދިރިއުޅުމަށް ހާދަ މުހިންމު މީހެކެވެ.
ޣަފޫރަކީ ދެބައި އުމުރުގެ މީހަކަށްވުރެ ޒުވާން ފުރައިގެ މީހެކެވެ. އޭނާގެ ހަށީގައި ދައުރުކުރަނީ ޒުވާން ލެއެވެ. އެހެންކަމުން އޯގާވެރި އަނތްބެއްގެ ބޭނުން ނިހާޔަތަށް ބޭނުންވެއެވެ. މާއިޝާއަށް ލިބިފައިވާ މައިވަންތަކަމުގެ ފަޅުކަން ވެސް ކުޑަކޮށްދޭން ބޭނުންވެއެވެ. އެ ކަމަށް ޓަކައި ކުރެވޭން އޮތް ކަމަކީ ކައިވެންޏެއް ކުރުމެވެ. އެހެންނަމަވެސް ކައިވެންޏެއްގެ ޚިޔާލު ސިކުނޑިއަށް ވެރިވުމާ އެކު، ޣަފޫރުގެ ހިތަށް ވެރިވީ ޒާތެއްގެ ބިރެކެވެ. މާހިރާގެ ހަނދާންތައް އެޚިޔާލުގެ މައްޗަށް ވެރިވެގަތެވެ. އެހެންކަމުން އޭނާ ވަގުތުން އެ ޚިޔާލުތައް އެއް ފަރާތްކޮށް މަސައްކަތަށް އެނބުރުނެވެ.
މާހިރާ ނިޔާވިތާ ދިހަ ވަރަކަށް މަސް ފާއިތުވެ ހިނގައްޖެއެވެ. އިތުރު ކައިވެންޏެއް ކުރުމުގެ ޝައުޤުވެރިކަން އައީ ޣަފޫރުގެ ހިތުގައި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މާއިޝާގެ މޫނުމަތީން ފެންނަ މާޔޫސްކަމާއި މައެއްގެ ލޯބި އޭނާއަށް ބޭނުންވާލެއް ބޮޑުކަން އިހުސާސްކުރެވޭތީއެވެ. އެންމެފަހުން އޭނާ ނިންމީ، އެހެން ކައިވެންޏެއް ކުރުމަށެވެ. މި ހާލަތުގައި އޭނާ ކައިވެންޏެއް ކުރުމަކީ މާހިރާގެ ފުރާނައަށް ވެސް ހޯދައިދެވޭނެ ލުޔެކެވެ. އަނެއްކޮޅުން ހެޔޮލަފާ އަނތްބެއްގެ އޯގާވެރިކަމުގެ ހިޔަލުގައި އުޅެމުން އައި މީހަކަށް އެ އޯގާވެރިކަން ނެތުމުން ލިބެމުންދާ ފަޅުމަކަށް ވެސް ޝިފާއެއް ލިބޭނީ ކައިވެންޏެއް ކުރެވުގެންނެވެ.
ޣަފޫރު ވިސްނަމުން ގެންދިޔައެވެ. ކައިވެންޏަކަށް ފައި ނެގުމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫނެވެ. އޭނާގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅަށް ދޮންމަންމައެއް ހޯދައިދޭން ވިސްނާއިރު، ބަލަންޖެހޭ ކަންކަން ވަރަށް ގިނަ ވާނެއެވެ. ދޮންމަންމައެއްގެ ފަރާތުން މައެއްގެ ލޯބި ލިބިދާނެ ބާވައެވެ؟ ދޮން ނިޔަނދުރަކަށް ދޮންމަންމަ ވެއްޖެ ނަމަ….
އަނެއްކާ ވެސް ޣަފޫރުގެ ފިކުރު ދެކަފިވާ ގޮތް ވެއްޖެއެވެ. އޭނާ ވަގުތުން ސިކުނޑީގެ މައްޗަށް ބާރު ހިންގައިލިއެވެ. ނޫނެކެވެ. އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެއެވެ. ވާނީ އެންމެ ރަނގަޅަށެވެ. ފެންނަހައި މީހަކާ ކައިވެންޏެއް ނުކުރާނަމެވެ. މާއިޝާއަށް މަންމައެއްގެ ކުލުނާއި ލޯބި ދެވޭވަރުގެ މީހަކާ ނޫނީ ނީންނާނަމެވެ. އެފަދަ މީހަކު ނުފެނުނިއްޔާ މީހަކާ ނީނދެ ހުންނާނީއެވެ.
މެންދުރުކުރީގެ ވަގުތެވެ. މާއިޝާ އޮތީ ކޮޓަރީގައި އިސްލާމް ފޮތް ހިފައިގެން ކިޔާށެވެ. މިއަދަކީ ޗުއްޓީ ދުވަހެކެވެ. އެހެންކަމުން އިސްކޫލަށް ދާކަށް ނުޖެހެއެވެ. ޓެސްޓް ކައިރިވަމުން އަންނާތީ ގޭގެ އެއްވެސް ކަމެއް މި ހާރު އޭނާއަށް ކުރާކަށް ނުޖެހެއެވެ. ހުރިހައި ކަމެއްގައި ހަރަކާތްތެރިވަނީ ޝާދިޔާއެވެ. މާއިޝާ އަމިއްލައަށް ކުރާހިތުން ކަމެއް ކުރާން އުޅުނަސް، އެ ކަމެއް ޝާދިޔާ ހުއްޓުވައެވެ. އެއީ ޣަފޫރު އަންގާފައި އޮތް ގޮތެވެ. މާއިޝާގެ އިމްތިހާނަށްވުރެ މުހިއްމު އެއްވެސް ކަމެއް މިހާރު ޣަފޫރަކަށް ވެސް ނެތެވެ.
ފޮތް ކިޔާން އޮވެއޮވެ ފޫހިވެގެން، މާއިޝާ ތެދުވިއެވެ. ތެދުވެގެން ހިނގައިގަތީ ކޮޓރީގައި ހުރި ބޮޑު އަލަމާރިއާ ދިމާއަށެވެ. ހައިވަކަރު ފިލައިން ހަދާފައި ހުރި، ފަސް ދޮރުފަތްލީ ބޮޑު އަލަމާރިން އެކަނި ވެސް އެ ކޮޓަރީގެ ހައިބަތާއި ތަނަވަސްކަން ފެނެއެވެ.
އަލަމާރި ހުޅުވާލުމަށްފަހު މާއިޝާ ނެގީ ފޮޓޯލޯގަނޑެކެވެ. އެއީ އޭނާ ފޮރުވައިގެން ގެންގުޅޭ، އޭނާގެ ލޯބިވާ މަންމަގެ ފޮޓޯލޯގަނޑެވެ. އެ ފޮޓޯގައި މަންމަގެ ހިނިތުންވެފައިވާ ރީތި މޫނު ފެނުމާ އެކު، އޭނާގެ ސިކުނޑީގައި މަންމަގެ ހަނދާންތައް އެނބުރިގަތެވެ. އެއާ އެކު ދެ ލޯ ފުރިގެން އައެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އިރުކޮޅަކު ބަލާން ހުރެފައި، ފޮޓޯ މޭގައި ޖައްސާލަމުން އޭނާ ހިނގައިގަތީ އެނދާ ދިމާއަށެވެ.
އެނދު ހުރަހަށް އުޑުތިލަމައިން މާއިޝާ އޮށޯތެވެ. އެއަށްފަހު ކަޅިޖަހާނުލައި، މަންމަގެ މޫނަށް އޭނާ ބަލާންފެށިއެވެ. އޭރު އޭނާގެ ޅަ ހިތް ވަނީ އެ ފޮޓޯއާ ގުޅިލާމެހިފައެވެ. އެ ހިތް އެ ފޮޓޯއާ މުޚާތަބުކުރާން ފެށިއެވެ.
މަންމީއެވެ! މަންމި ނެތުމުގެ ފަޅުކަން ހާދަ ބޮޑެވެ. މަންމި ނެތީމަ ހާދަ ދެރަވެއެވެ. ކޮންމެ ކަމެއް ކުރިޔަސް، މަންމި މަތިން ވަރަށް ހަނދާންވެއެވެ. މަންމި ގާތުގައި ހުންނަން އަބަދު ވެސް ބޭނުންވެއެވެ. އެކަމަކު…
މާއިޝާގެ ދެ ލޮލުގައި އުފެދިފައިވާ ކަރުނަތައް، ލޮލުގެ ދެ ފަރާތުން ރޮނގަކަށް ތިރިއަށް ފައިބަމުންދެއެވެ. އޭރުވެސް އޭނާގެ ނަޒަރު މަންމަގެ މޫނުން ކެހިގެނެއް ނުދެއެވެ.
މެންދުރަށް ކެއްކުމަށް ޓަކައި ޝާދިޔާ އުޅުނީ ބަދިގޭގައެވެ. އެއް ކަމަކަށްފަހު އަނެއް ކަމެއް ކޮށްލަކޮށްލައެވެ. އަތްމަތި އަވަހެވެ. ފާޑުވެރިއެވެ. ޣަފޫރު އަނާންވާއިރަށް ކައްކާ ނިންމާލައިފައި، ބަދިގެއާއި ގޭތެރެ ސާފުކޮށްލަން އޭނާ ބޭނުންވެއެވެ. އެއީ މާހިރާގެ ކޮންމެ ދުވަހެއްގެ އާދައިގައި އޮންނަ ކަމަކަށްވާތީ، އެ ގޮތަށް އެ ކަން ކުރެވޭތޯ ޝާދިޔާ ވަރަށް މަސައްކަތްކުރެއެވެ.
“ޝާދިޔާ!” ބަދިގޭ މޭޒު ދޮށުގައި ފިޔާ ކޮށަން އިން ޝާދިޔާގެ ކަންފަތުގައި މީހަކު ގޮވައިލި އަޑުޖެހުނެވެ. އޭނާ އަވަސްއަވަހަށް އަޑު އައި ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ފެނުނީ ޣަފޫރެވެ. އޭނާ ހުރީ ބަދިގެ ދޮރުމަތީގައެވެ. ޣަފޫރު ފެނުމުން ޝާދިޔާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ގަޑިއަށެވެ. މިއަދު އެ އައީ އެހެން ދުވަސް ދުވަހު އަންނަ ވަރަށްވުރެ މާ އަވަހަށެވެ.
“މާއިޝާ ކޮބައި؟” ޣަފޫރު އަހައިލިއެވެ.
“ކޮޓަރީގަ. ފިލާވަޅު ދަސްކުރަން ދާށޭ ބުނީމަ ގޮސް ވީ.”
“އެހެންތަ؟ އެ ކޮޓަރީ ފާޚާނާގެ އިސްކުރު ދޫވެފައި ހުރި ވާހަކަ ބުނީމަ މި އައީ”
ޣަފޫރު ހިނގައިގަތީ މާއިޝާގެ ކޮޓަރިއާ ދިމާއަށެވެ. އޭނާ ގޮސް ކޮޓަރީ ތަޅުގައި ހިފައި އަނބުރާލިއެވެ. ދޮރު ހުޅުވައި ކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. މާއިޝާ އެނދުމަތީގައި އޮތެވެ. އުޑުތިމަތިން ދޮރާ ވީ ފަރާތަށް ބޯ ލައިގެންނެވެ.
މާއިޝާއަށް ގޮވައިލަން ޣަފޫރު އަނގަ ހުޅުވައިލިއެވެ. ކޮޓަރިއަށް ވަނުމަށް ޓަކައި އެއް ފައި ނެގިއެވެ. އެހެންމަވެސް ހަމަ އެ ވަގުތު އޭނާގެ ހަށިގަނޑު ގަނޑުވިއެވެ. މާއިޝާ ބަލާން އޮތް މާހިރާގެ ފޮޓޯ ފެނިފައެވެ.
ޣަފޫރަށް ހެރުވުނީ، ކަޅިޖަހައިނުލައި މާހިރާގެ ފޮޓޯއަށް ބަލާށެވެ. އެ ފޮޓޯގައި މާހިރާ އެހުރީ ހާދަ ރީތިކޮށް ހިނިތުންވެލައިގެންނެވެ. އެއީ ކޮން ދުވަހަކު، ކޮން ތަނެއްގައި ނެގި ފޮޓޯއެއްކަން، ޣަފޫރަށް އެނގިއްޖެއެވެ. އޭނާގެ ހަނދާންތައް އޭނާ ގޮވައިގެން އެ ދުވަހުގެ އެ މާހައުމަށް ދަތުރުކުރިއެވެ.
އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިއެވެ. އޭރު މާއިޝާގެ އުމުރުން ވާނީ ދެ އަހަރެވެ. ޗުއްޓީގައި ސިންގަޕޫރަށް ކުރި ދަތުރެއްގައި ސިންގަފޫރުގެ އެއާޕޯޓުގައި ނެގި ފޮޓޯއެކެވެ. އެ ފޮޓޯ ނެގީ ޣަފޫރެވެ. އެ ދުވަހާއި އެ ދަތުރުގެ އުފާވެރި ހަނދާންތައް ސިކުނޑިއަށް ވެރިވެ، ޣަފޫރުގެ ހިތާ ކޫޅޭން ފެށުމާ އެކު، އޭނާގެ ދެ ލޮލުން ވެސް އައީ ކަރުނައެވެ. އެހެންނަމަވެސް އިރުކޮޅަކުން އޭނާ ދެ ލޯ ފޮހެލައި، ހަމައަކަށް އަޅުވައިލިއެވެ.
“ދަރިފުޅާ މާއިޝާ!”
ޣަފޫރުގެ އަޑު ކަންފަތުގައި ޖެހުމާ އެކު، މާއިޝާ ސިހުނެވެ. ފޮޓޯ އެނދުމަތީގައި ބާއްވަމުން، އޭނާއަށް އަވަސްއަވަހަށް އެނބުރި ޣަފޫރާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ޣަފޫރުގެ ލޮލުގައި އަޅައިގަތީ މާއިޝާގެ ކަރުނައިން ތެމިފައިވާ ދެ ލޮލެވެ. ހިތާމައިން ކުލަ ޖެހިފައިވާ މޫނެވެ. އެ ފޮޓޯއަށް ބަލާން އޮވެ މާއިޝާ ވެސް ރޮނީކަން، ޣަފޫރަށް އެނގުނީ އެހައި ހިސާބުންނެވެ.
މާއިޝާ ރުއިކަން އެނގޭކަމަށް ހަދާކަށް ޣަފޫރު ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ފެންނަކަމަށް ވެސް ނުހަދައި، ކޮޓަރިއަށް ވަނެވެ.
“ދަރިފުޅު ބުނީމެއްނު ފާޚާނާގެ އިސްކުރު މައްސަލަ ޖެހުނު ވާހަކަ. އެހެންވެ އެކަން ހަނދާންވެގެން ބައްޕަ މި އައީ.” ޣަފޫރު ގޮސް ފާޚާނާ ހުޅުވައިލިއެވެ. މާއިޝާ ވެސް ދެ ލޯ ފޮހެލުމަށްފަހު، ބާލީސް ދަށުގައި ފޮޓޯލޯގަނޑު ބާއްވާފައި، އެނދުން ފައިބައިގެން ފާޚާނާއާ ދިމާއަށް ހިނަގައިގަތެވެ.
“އިސްކުރު ދޫވެފައި ހުންނަނީ.” މާއިޝާ އިޝާރާތްކުރީ މޫނު ދޮންނަތަށީގެ އިސްކުރަށެވެ.
ޣަފޫރު އިސްކުރުގައި ހިފައިލިއެވެ. އެ ބުނީ ތެދެކެވެ. އިސްކުރު ހުރީ ތިރިން ދޫވެފައެވެ. ޖެހޭނީ އެއްޗަކުން ބާރުކޮށްލާށެވެ.
“މީ އެއްވެސް ކަމެއް ނޫން! ހަމަ މިހާރު މި ހަދައިލަނީ އިނގޭ!” ހިނިތުންވެލަމުން މާއިޝާގެ މޫނަށް ޣަފޫރު ބަލައިލިއެވެ. މާއިޝާ ވެސް ހިނިތުންވެލިއެވެ. ހިކި ހިނިތުންވުމެކެވެ. މާއިޝާގެ މޫނުމަތިން އުފާވެރިކަންފެންނާން އަބަދުވެސް ޣަފޫރު އެދެއެވެ. ދެރަވެފައި ހުންނަތަން ފެނުމުން ޣަފޫރުގެ ހިތަށް ވަރަށް ތަދުވެއެވެ.
އެ ދުވަހު ފިހާރައިގެ އޮފީހުގައި އިން އިރު ވެސް، ޣަފޫރަށް ފެންނަނީ މާއިޝާގެ ކަރުނައިން ފޯވެފައިވާ ދެ ލޮލެވެ. ހިތާމައިން ރަތްވެފައިވާ މޫނެވެ. މައެއްގެ ލޯބިން އެ ކުއްޖާ މަޙުރޫމުވެފައިވުމުން ކުރާ ހިތާމަ، ވަރަށް ބޮޑުކަން އޭނާއަށް އެ ދުވަހު އަނެއްކާ ވެސް ވަޒަން ކުރެވުނެވެ. ކުރިން އޭނާ ހީކުރީ، މިހާރު މާއިޝާ ހުރި ހަމައަކަށް އެޅިފައި ކަމަށެވެ. އެހެންނަމަވެސް އެއީ ކުށް ހީއެކެވެ.
ފުން ފިކުރެއްގެ ތެރެއަށް ގެނބިފައި ޣަފޫރު އިންދާ، އޭނާއަށް ސިހުން ގެނުވީ ޖީބުގައި އޮތް ފޯނެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގައި ބަލައިލިއެވެ. ގުޅަނީ ފިރާޤެވެ. ފިރާޤަކީ އޭނާގެ އަތުން މުދާ ނަގާ ވިޔަފާރިވެރިއެކެވެ. ވަރަށް ކުރީއްސުރެ އެ ފިހާރައިން މުދާ ނަގަމުން ގެންދާ މީހެއްކަމުން، ޣަފޫރާއި ފިރާޤާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. މީގެ އަހަރުތަކެއް ކުރީން ފިރާޤުމެން ރަށަށް ޣަފޫރު ވަނީ ދަތުރެއް ވެސް ކޮށްފައެވެ. އެކުވެރިކަމުގެ ދަތުރެކެވެ. އެ ދަތުރަށްފަހު ފިރާޤުގެ އާއިލާ ވެސް ވަނީ ޣަފޫރާ ގާތް ގުޅުމެއް އުފެދިފައެވެ.
“ކޮބާ އަނެއްކާ ވެސް މުދާކޮޅެއް ބޯޓަށް އަރުވައިލަދޭން ވެއްޖެ!” ޣަފޫރު ފޯނު ނެގުމާ އެކު، ފިރާޤު ފެށީ އޭނާ ބޭނުންވާ ކަންތަކުގެ ވާހަކައެވެ.
“ލިސްޓު ވައިބަރ ކޮށްލަންވީނު!”
“ކޮށްފަ އޮންނާނީ. ޖަވާބެއް ނުލިބިގެން މި ގުޅީ.”
“އެހެންތަ؟ ކޮން އިރަކު ކުރީ؟”
“މިހާރު ބައިގަޑިއެއްހައި އިރު ވެދާނެ.”
“މިހާރު މި ބަލައިލައިފަ ފިހާރަ ކުދިންނަށް ފޮނުވައިލަނީ.”
“ޣަފޫރު ހާދަ ބޮޑު ފިކުރެއްގައި އުޅޭހެން ހީވޭ.” މާހިރާ ދުނިޔެ ދޫކުރިފަހުން ޣަފޫރުގެ އުޅުމާއި މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފިރާޤަށް އެނގެއެވެ. އެހެންކަމުން އެ މައުޟޫޢަށް ނުވަދެވޭތޯ ފިރާޤު ވަރަށް ބަލައެވެ.
“އާނ! އަސްލު ވެސް ވަރަށް ބޮޑު ފިކުރެއްގައި އިންދާ ތި ގުޅީ.” ފުން ނޭވާއެއް ޣަފޫރު ދޫކޮށްލިއެވެ.
“ދެން އެ ކަމާ އަބަދު ނުވިސްނާ!” ފިރާޤު ހީކުރީ މާހިރާގެ ޚިޔާލުގައި، އެ ހަނދާނުގައި ޣަފޫރު އިނީ ކަމަށެވެ.
“ދަރިފުޅާ މެދު މި ވިސްނައިލެވުނީ.”
“ދަރިފުޅަށް ކިހިނެއްވީ؟” ފިރާޤު އަވަސްއަވަހަށް އަހައިލިއެވެ.
“ދަރިފުޅަށް ކަމެއް ވީއެއް ނޫން! މާހިރާ ނެތީމަ، އެ މަންޖެ މާ ބޮޑަށް އެކަނިވަނީ ކަންނޭނގެ!” މިއަދު ކަންވީގޮތް ފިރާޤަށް ޣަފޫރު ކިޔައިދިނެވެ. މާއިޝާއަށް މައެއްގެ ލޯބި ބޭނުންވާކަމާއި މާހިރާ ނެތުމުގެ ހިތާމަ އެ ކުއްޖާގެ ހިތުން، އަދިވެސް ފިލައިގެން ނުދާ ވާހަކައެވެ.
“ތި ކަހަލަ ހުރިހައި ކަމަކަށް ވިސްނާފަ މަށަށް މި ކިޔެނީ މީހަކާ އިންނާން އުޅޭށޭ! މަށަށް ފެންނަނީ ދެން ލަސްނުކޮށް ރަނގަޅު އަންހެނަކު ހޯދައިގެން އިންނަން! މައެއްގެ ލޯބި ލިބެންފެށީމަ އެ މަންޖެ ވެސް ހަމައަކަށް އެޅިދާނެ!”
“ތި ބުނާ ކަހަލަ ރަނގަޅު މީހަކު ހޯދާނީ ވެސް ކޮންތާކުން؟ ކޮންމެކޮންމެ މީހަކާ އިންނާކަށް ވެސް ނުވާނެތާ!”
“ރަނގަޅު މީހަކު ލިބިއްޖެއްޔާ އިންނާނަންތަ؟”
“ތި ކަމާ އެބަ ވިސްނަން!”
“ޣަފޫރު ބުނެފިއްޔާ މަ ބަލައިލަދީފާނަން!”
“ތި ރަށުން؟”
“ނޫން! މާލެއިން!”
“އަޅެ ބަލައިލަދީބަލަ!”
އެ ދުވަހަށްފަހު ފިރާޤުގެ ކޯލަކަށް ޣަފޫރު އިންތިޒާރުކުރާން ފެށިއެވެ. ދެ ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ތިންވަނައަށް ވީ ދުވަހު ޣަފޫރު ގަސްދުކުރީ ފިރާޤަށް ގުޅާލުމަށެވެ. ހަނދާން ނެތިފައި ވެސް އޭނާ ހުރެދާނެތީއެވެ.
ފުރަތަމަ ރިންގާ އެކު ފިރާޤު ފޯނު ނަގައިފިއެވެ. ފޯނު ނެގި ގޮތަށް ފެށީ އެ ވާހަކައެވެ. ޣަފޫރަށް ސުރުޚީ އަޅާކަށް ވެސް ނުޖެހުނެވެ.
“އެބަ ހުރި ރަނގަޅު އަންހެނަކު. މީހަކާ އިނދެ ވަރިވެފައި އިން މީހެއް.” ފިރާޤު ބުންޏެވެ.
“ކޮން ކަހަލަ އުޅުމެއް ހުރި މީހެއް؟” ޣަފޫރަށް ފުރަތަމަ ވެސް އަހައިލެވުނީ އޭނާގެ އުޅުމާބެހޭ ގޮތުންނެންވެ.
“އެއްގޮތަކަށް ވެސް ނޭނގެ ތިހެން ބުނާކަށް. މަ ވެސް ދަންނަ މީހެއް ނޫން!”
“ދެން….؟ ކޮންތާކުން ކިހިނެއް ހޯދި މީހެއް؟”
“ރައްޓެއްސަކު މެދުވެރިކޮށް ބެލީ. އޭނަ ބުނި ވަރަށް ރަނގަޅު މީހެކޭ. ޖަމީލާއޭ ކިޔަނީ.”
“އަނެއްކާ ކޮން އުމުރެއްގެ މީހެއްބާ؟ މާ ޅަ ކުއްޖަކު ކަމަކު ނުދާނެ!”
“ބާރަ ތޭރަވަރަކަށް އަހަރުގެ އަންހެން ދަރިއަކު ހުންނަ ވާހަކަ ބުނި. އެހެންވީމާ މާ ޅައެއް ވެސް ނުވާނެއެއްނު!” ފިރާޤު ހީނލިއެވެ.
“ކޮން ރަށެއްގެ މީހެއް؟”
“ތިއެއް ވެސް ނޭނގެ. މާލޭގައި އުޅެނީ.”
“ކުރީގެ ކައިވެނި ރޫޅުނީ ކީއްވެޔޯ؟”
“މަށަކަށް ހަމަ ތިޔައިން އެއްވެސް ކަމެއް ނޭނގެ. ޣަފޫރު އޭނާއަށް ގުޅާލަންވީނު!” ފިރާޤަށް ވެސް ޖަމީލާއާ ބެހޭގޮތުން މާ ގިނަ ކަމެއް އޮޅުންފިލާފައެއް ނެތެވެ.
“ނަންބަރު އެބަ އޮތް؟”
“ނަންބަރު މިހާރު ވެސް ހޯދާލެވިދާނެ!”
“ނަންބަރު ހޯދަން ގުޅާފަ ތި އެކުވެރިޔާ ގާތުގައި، ބުނޭ މަ ގުޅާނެ ވާހަކަ ޖަމީލާގެ ގާތުގައި ބުނެލާފައި ބާއްވާށޭ!”
“މައްސަލައެއް ނެތް! ބުނެލާނަން!”
“ދެން ނަންބަރު ލިބުނީމަ ފޮނުވައިލާ އިނގޭ! ވާހަކަ ދައްކާލީމަ ވާގޮތެއް ވެސް އެނގިދާނެތާ!”
ކުޑަ އިރުކޮޅެއްގެ ތެރޭގައި، ޖަމީލާގެ ނަންބަރު ޣަފޫރަށް ލިބިއްޖެއެވެ. އެހެންނަމަވެސް އެ ނަންބަރަށް އޭނާ ގުޅީ، އެ ރޭ ގެއަށް އައިސް ހަމަޖެހިލައިގެންނެވެ. ގުޅުމުގެ ކުރިން ފިރާޤަށް ގުޅާފައި، އޭނާ ގުޅާނެ ވާހަކަ ޖަމީލާގެ ގާތުގައި ބުނެފައި އޮތްކަން ޔަގީންކުރިއެވެ. އެހެންކަމުން ޣަފޫރު ގުޅުމާ އެކު ޖަމީލާއަށް އެއީ ކާކުކަން އެނގުނެވެ. އިތުރަށް ތަޢާރަފުވާކަށް ޣަފޫރަކަށް ނުޖެހުނެވެ.
ޖަމީލާގެ ވާހަކަތައް ޣަފޫރަށް ވަރަށް ކަމުދިޔައެވެ. އެ ރޭ ދެކެވުނު ވާހަކަތަކުން، ޖަމީލާއަކީ ކާކުކަން ޣަފޫރަށް އެނގުނެވެ. ޖަމީލާއާއި އޭނާގެ ފަނަރަ އަހަރުގެ އަންހެން ދަރިފުޅު އުޅެނީ ކުލީ ކޮޓަރިއެއްގައެވެ. ދަރިފުޅު ވަރަށް ކުޑައިރު ޖަމީލާގެ ފިރިމީހާ ވަނީ މަސްތުވާތަކެތީގެ މައްސަލައިގައި އުމުރު ދުވަހަށް ޖަލަށްލާފައެވެ. އެހެންކަމުން ކޯޓަށް ގޮސް، އޭނާގެ ގާތުން ޖަމީލާ ވަރިވީއެވެ. އޭގެފަހުން މި ވޭތުވި 13 ވަރަކަށް އަހަރު ޖަމީލާ އުޅެމުން އަންނަނީ، ދަރިފުޅާ އެކު އެކަނިމާއެކަންޏެވެ. އޭނާއަކީ މޮޅަށް ފަހަން ދަންނަ މީހެއްކަމުން، އެ މަސައްކަތުން ދިރިއުޅެލެވޭވަރުގެ އާމްދަނީއެއް ލިބެއެވެ.
އެއްވެސް ފޮރުވުމެއް ނެތި ހުރިހައި ވާހަކައެއް އެ ރޭ ފޯނުން، ޣަފޫރަށް ޖަމީލާ ކިޔައިދިނެވެ. އެހެންކަމުން ޖަމީލާއަކީ ހަޔާތުގެ ބައިވެރިއަކަށް ހަދަން ކަމުދާ މީހެއްކަމަށް ޣަފޫރުގެ ހިތް ބުނާންފެށިއެވެ. އެހެންނަމަވެސް އެހައި އަވަހަށް ގޮތް ނިންމާކަށް ޣަފޫރު ބޭނުމެއް ނުވިއެވެ. ޖަމީލާ ދެކެލަން ވެސް ބޭނުންވެއެވެ. އުޅުމާއި މިޒާޖު ދެނެގަންނާން ވެސް ބޭނުންވެއެވެ. ޣަފޫރު ބޭނުންވީ މީހެއްގެ ގާތުގައި އަހައިގެން އޮޅުންފިލުވުމުގެ ބަދަލުގައި، އަމިއްލައަށް ތަޖުރިބާކޮށް، ގޮތް ނިންމާށެވެ. އެ ގޮތް މާ ރަނގަޅުވާނެއެވެ.
ޣަފޫރާއި ޖަމީލާއާ ދެމެދު އުފެދުނު ގުޅުން، ހަފުތާއަކަށް ދެމިގެން ދިޔައިރު، ޣަފޫރަށް ވަރަށް ކަމުދާ މީހަކަށް ޖަމީލާ ވެއްޖެއެވެ. ސާފުތާހިރެވެ. މުރާއްޔެވެ. އޯގާވެރިއެވެ. އިހުތިރާމްކުރެއެވެ. ނަމާދަށް ސަމާލުކަންދެއެވެ. މިހެން ގޮސް ރަނގަޅު އެތައް ސިފައެއް އޭނާގެ ކިބައިން ޣަފޫރަށް ފާހަގަކުރެވުނެވެ. ބަލައިލާކަށް ވެސް ހުތުރެއް ނޫނެވެ.
މާއިޝާގެ ވާހަކަ ޖަމީލާގެ ގާތުގައި ބުނި ދުވަހުން ފެށިގެން މާއިޝާ ދެކެލާ ހިތުން ޖަމީލާ ހުންނަނީ ކެތްތެރިކަން ކުޑަވެފައެވެ. މާއިޝާއާ ބައްދަލުކޮށްދޭން ވަރަށް ގިނައިން ކިޔައެވެ. “ދަރިފުޅު” ކިޔައިގެން ނޫނީ އެންމެ ފަހަރަކު ވެސް، މާއިޝާގެ ވާހަކައެއް ނުދައްކައެވެ. ކޮންމެ ދުވަހަކުހެން ކޮންމެވެސް އެއްޗެއް މާއިޝާއަށް ދޭށޭ ކިޔާފައި ޣަފޫރު އަތަށް ދެއެވެ. ޗޮކްލެޓެއް، އެޕޯލޯއެއް ނޫނީ ކުޑަ އަނގޮޓިއެއް، ފަށެއް ކަހަލަ ކޮންމެވެސް އެއްޗެކެވެ. ޖަމީލާގެ ވަރުން ހަދިޔާއެއް ނުދޭ ދުވަހެއް ފާއިތުވެ ނުދެއެވެ.
މާއިޝާ ދެކެ ޖަމީލާ ވާ ލޯތްބާއި ބަހައްޓާ ގާތްކަމަކީ، ޖަމީލާގެ މައްޗަށް ޣަފޫރުގެ ހިތް ލެނބޭން މެދުވެރިވި ވަރަށް ޚާއްޞަ ސަބަބެކެވެ. ކައިވެންޏެއް ކުރާން ޣަފޫރު ބޭނުންވި މައިގަނޑު ސަބަބަކީ ވެސް މާއިޝާއަށް މަންމައެއްގެ ލޯބި ހޯދައިދިނުމެވެ. އެ ވާހަކަ ޖަމީލާގެ ގާތުގައި ޣަފޫރު ދެއްކި ދުވަހުން ފެށިގެން، ޖަމީލާ ދެކޭން ފެށީ މާއިޝާއަކީ އޭނާގެ އަމިއްލަ ދަރިއެއް ކަމަށެވެ.
“ޣަފޫރަށް ކަމުދަންޏާ ލަސްކުރާނެކަމެއް ނެތް!” ޖަމީލާއާ ކައިވެނިކުރަން ނިންމި ވާހަކަ ފިރާޤަށް ގުޅާފައި ބުނުމުން، ފިރާޤު ވަރަށް އުފާވިއެވެ. “ރައްޓެއްސަކަށް ހެޔޮކަމެއް ކޮށްދެވުނީތީ ވަރަށް އުފާވެއްޖެ.” އެ ދުވަހު ފިރާޤު، ފޯނު ބޭއްވީ ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ.
ކައިވެނީގެ ތާރީޚު ކަނޑައެޅުމަށްފަހު، ކައިވެނީގެ ވާހަކަ ޝާދިޔާއާ ވެސް ޣަފޫރު ހިއްސާކުރިއެވެ. މި ވާހަކަ އަޑުއަހާފައި، ޝާދިޔާގެ ހިތަށް ވެރިވީ ޒާތެއްގެ ނުތަނަވަސްކަމެކެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާއަށް ނުބައިކޮށް ވިސްނުނީ ކަމަށް ވެދާނެއެވެ. އެހެންކަމުން އޭނާ ވަގުތުން އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތްފެށިއެވެ. ޣަފޫރު ކުރާ ކަމެއް ކުރާނީ، ވަރަށް ވިސްނާފައެވެ. ކަތި ފިޔަވަޅެއް އޭނާ ނާޅާނެއެވެ. މާހިރާ ކަހަލަ ރަނގަޅު މީހަކު ނޫނީ، މާއިޝާއަކަށް ހޯދައެއް ނުދޭނެއެވެ. ކަންބޮޑުވާނޭކަމެއް ނެތެވެ. މި ކަހަލަ ވިސްނުންތަކެއް ހިތަށް ގެނެސްގެން ޝާދިޔާ ހިތްހަމަޖައްސާލިއެވެ.
“ދަރިފުޅާ!” ހަވީރު ސިޓިން ރޫމުގައި ޓީވީ ބަލަން މާއިޝާ އިންދާ ޣަފޫރު އައިސް މާއިޝާގެ ގާތުގައި ޖައްސާލިއެވެ. އޭރު އެ މަންޖެ އިނީ ކާޓޫނެއް ބަލާށެވެ. “ބައްޕަ މި އައީ ވަރަށް ބޮޑު ވާހަކައެއް ދަރިފުޅުގެ ގާތުގައި ބުނެލަންވެގެން.”
“ކޮން ވާހަކައެއް؟” ބައްޕަގެ ހިނިތުންވެފައިވާ މޫނަށް ބަލައިލަމުން، މާއިޝާ ވެސް ހިނިތުންވެލިއެވެ.
“ދަރިފުޅު ވަރަށް އުފާވާ ކަހަލަ ވާހަކައެއް!” މާއިޝާ ގަޔާ ކައިރިކޮށްލުމަށްފަހު، މާއިޝާގެ ކޮލަށް ޣަފޫރު ދޮނެއް ދިނެވެ.
“އެހެންވިއްޔާ އަވަހަށް ބުނޭ!”
“ދަރިފުޅު ބޭނުންތަ މަންމިއެއް!” އިރުކޮޅަކު އިނދެފައި ޓީވީގެ އަޑު މަޑުކޮށްލަމުން ޣަފޫރު އަހައިލިއެވެ.
“ބައްޕާ!” މާއިޝާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. އުފާވެރިކަން ވަޅުޖެހިއެވެ. “މަންމި… މަންމި މަރުވެއްޖެއެއްނު ބައްޕާ!” މާއިޝާގެ އަޑު ތުރުތުރުއަޅައިގަތެވެ. ދެ ލޮލުން ތެތްކަމުގެ އަސަރު ފާޅުވިއެވެ.
“ދަރިފުޅާ!” ޣަފޫރުގެ އަޑުގައި ހުރީ އޯގާވެރިކަމެވެ. ނިއަނެތިކަމެވެ. “އެހެން މަންމިއެއް ދަރިފުޅަށް ހޯދައިދޭން ބައްޕަ މި އުޅެނީ.”
“މައިގެ އެހެން މަންމިއެއް ނުހުންނާނެ ބައްޕާ!” ޣަފޫރުގެ ކޮނޑުގައި ބޯއަޅަލިއިރު، މާއިޝައަށް ރޮވިއްޖެއެވެ.
“ދަރިފުޅާ!” ޣަފޫރުގެ ހިތުގައި ކެކުޅުން ހުރި މިންވަރު އޭނާގެ އަޑުން ހާމަވިއެވެ. ހިންދިރުވައިލަމުން އޭނާ މާއިޝާގެ ބޮލުގައި ފިރުމައިލިއެވެ.
ޣަފޫރުގެ ހިތަށް އަރަމުން ދިޔައެވެ. މާހިރާ ދުނިޔޭގައި އިން ނަމަ ކޮން ފަދަ ހެއްޔެވެ؟ މި އުޅުން އުޅޭކަށް ނުޖެހުނީހެވެ. ދަރިފުޅު ގާތަށް އައިސް މި ކަހަލަ ވާހަކައެއް ފަށާކަށް ނުޖެހުނީހެވެ. އެއްވެސް ކަމެއް ދެރަ ގޮތަކަށް މިންވަރެއް ނުކުރައްވާނެއެވެ. އަހަރެމެންނަށް ނޭނގެނީއެވެ. މި ކަމުގައި ވެސް އެތައް ފައިދާއެއް އޮންނާނެއެވެ. ޝައްކެއް ނެތެވެ. ޣަފޫރު ހިންދިރުވާލައި ހިތަށް ހަމަޖެހުން ގެނެވޭތޯ މަސަކަތްކުރިއެވެ.
“ދަރިފުޅާ!” ޣަފޫރުގެ އަޑުގައި ހުރީ އޯގާވެރިކަމެވެ. މާއިޝާ ދެކެ އޭނާ ވާ ލޯބި، އެ ގޮވައިލުމުން އެކަނި ވެސް ހާމަވެއެވެ. “ބައްޕަ ދައްކާ ވާހަކަ ދަރިފުޅު އަޑުއަހައްޗޭ!”
ޣަފޫރުގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ، މާއިޝާ ބޯޖަހައިލިއެވެ. އާނއެކޭ ބުނުމުގެ ގޮތުންނެވެ.
“ކޮންމެ ދުވަހަކު ދަރިފުޅަށް ބައްޕަ ހަދިޔާއެއް ގެނެސްދެމެއްނު!”
މާއިޝާ މިފަހަރު ވެސް އެ އޮތްގޮތަށް އޮވެ ބޯ ޖަހައިލިއެވެ.
“ބައްޕަ ބުނަމެއްނު އެއީ ދަރިފުޅަށް މީހަކު ދިން ހަދިޔާއެކޭ. ކާކުހޭ ދަރިފުޅު އެހީމަ ބައްޕަ ބުނަމެއްނު ފަހުން ބުނާނަމޭ.”
“އެކަމަކު ބައްޕަ އަދިވެސް ނުބުނަމެއްނު!”
“މިއަދު މި އުޅެނީ ބުނަންވެގެން!”
“ބުނޭ!”
“ދަރިފުޅަށް ހަދިޔާ ފޮނުވަނީ ދަރިފުޅުގެ ދެވަނަ މަންމި.”
ޣަފޫރުގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެފައި، ކުއްލިއަކަށް މާއިޝާ ތެދުވިއެވެ. އެ ވަގުތު ޣަފޫރުގެ ހިތް ތެޅިގަތެވެ. އޭނާއަށް އަވަސްއަވަހަށް މާއިޝާގެ މޫނަށް ބަލައިލެވުނެވެ. އެ ކުއްޖާގެ ނަޒަރު ހުރީ ޣަފޫރުގެ މޫނަށް ހުއްޓިފައެވެ. އެ ބެލުމާއި މޫނުމަތީން ފެންނާން ހުރި ކުލަވަރުގެ ދޭހައެއް ޣަފޫރުގެ ހިތަކަށް ނަގައެއް ނުގަނެވުނެވެ.
އަނެއްކާ އަހަންނަށް މި ހެދެނީ ގޯހެއް ބާވައެވެ؟ ދެވަނަ މަންމައެއް މާއިޝާ ބޭނުން ނުވަނީ ބާވައެވެ؟
“އެ މަންމި ދެކެލަން މައި ބޭނުން!”
“ކީކޭ؟”
“އެ މަންމި މި ގެއަށް ގެނެސްދީ ބައްޕާ!”
ޣަފޫރުގެ ހިތަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. ހަމަޖެހުމެކެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާ އަވަސްއަވަހަށް މާއިޝާ ގެނެސް ގަޔާލައި ބޮނޑިކޮށްލިއެވެ.
ވަގުތަކީ ރޭގަނޑުގެ ނުވައެއްޖަހައި އެހައިކަންހައި އިރެވެ. މާއިޝާއާއި ޝާދިޔާ ތިބީ ގޭގެ ސިޓީން ރޫމުގައެވެ. މާއިޝާ ވެސް ޝާދިޔާ ވެސް އިނީ ވަރަށް ރީތިވެލައިގެންނެވެ. ހީވަނީ ބޭރަށް ދާން ތައްޔާރުވެގެން ތިބިހެންނެވެ. ކޮންމެވެސް މީހަކު ނާންނާތީ، ނުދެވިފައި ތިބި ހެންނެވެ. މާއިޝާ އިރުއިރުކޮޅުން ގަޑިއަށް ބަލައިލައެވެ.
“ޝާދިޔާދައްތާ! އަދިވެސް ނާދެއެއްނު!” ގަޑިއަށް ބަލައިލަމުން ކެތްތެރިކަން ކުޑަ ގޮތަކަށް މާއިޝާ ބުންޏެވެ.
“ދެން ނުވާނެ މާ ލަހެއް! މިހާރު އަންނާނެ!” މާއިޝާގެ ކެތްތެރިކަން ކުޑަވެފައިވާ މޫނަށް ބަލައިލަމުން ޝާދިޔާ ހިނިތުންވެލިއެވެ. މާއިޝާއަށް އުފާވެރި ދުވަސްތަކަކަށް އެދި، އެ ވަގުތު ވެސް ޝާދިޔާއަށް ދުޢާކޮށްލެވުނެވެ.
ދިހަވަރަކަށް މިނެޓްގެ އިންތިޒާރަކަށްފަހު މާއިޝާއާއި ޝާދިޔާގެ އިންތިޒާރަށް ނިމުން ގެނައީ، ގޭދޮށަށް މަޑުކޮށްލި ކާރުގެ އިންޖީނުގެ އަޑެވެ. އެ އަޑު އިވިފައި މާއިޝާއަށް ފުންމައިގެން ތެދުވެވުނެވެ.
“އެ އައީ…”
“އެހަށް އިށީނދޭ ދަރިފުޅާ!”
ޝާދިޔާ އެހެން ބުނުމާ އެކު، މާއިޝާ އިށީނދެއްޖެއެވެ. އޭރު ޝާދިޔާއާއި މާއިޝާގެ ނަޒަރު ހުއްޓިފައި ހުރީ ލައްޕާފައި ހުރި ދޮރާއްޓާ ދިމާއަށެވެ. އިރުކޮޅަކުން ދޮރާށި ހުޅުވިއްޖެއެވެ. ފުރަތަމަ ވަންތަން ފެނުނީ ޣަފޫރެވެ. އޭނާގެ ފަހަތުން ދެބައި އުމުރުގެ އަންހެނަކާއި މާއިޝާއާ ދާދި އެއް އުމުރުގެ އަންހެން ކުއްޖަކު ވަންތަން ފެނުނެވެ. އެއީ ޖަމީލާއާއި އޭނާގެ ދަރިފުޅު ސަލީމާއެވެ.
ޣަފޫރުގެ ފަހަތުން އެ ދެމައިން އައިސް ގެއަށް ވަދެއްޖެއެވެ. އޭރު ޖަމީލާގެ ތުންފަތްމަތީގައި ދުވެލަދުވެލައި ހުރީ ހިތްހެޔޮ ހިނިތުންވުމެކެވެ. އެ މީހުން އައިސް ވަނުމުން، މާއިޝާއާއި ޝާދިޔާ ކޮޅަށް ތެދުވިއެވެ. ޖަމީލާ ވަރަށް ފަރުވާތެރިކަމާ އެކު، ގޭތެރޭގެ އެކި ދިމަދިމާއަށް ބަލައިލިއެވެ. ސަލީމާގެ ނަޒަރު ވެސް ފުރަތަމަ ހުއްޓެމުން ދިޔައީ ގޭތެރެއަށެވެ.
“މީ މަގޭ ދަރިފުޅު މާއިޝާ! މީ ޝާދިޔާ! މާއިޝާގެ ޝާދިޔާދައްތަ.” މާއިޝާއާއި ޝާދިޔާ، ޖަމީލާއަށް ތަޢާރަފުކޮށްދިނުމުގެ ގޮތުން ޣަފޫރު ވާހަކަ ދެއްކިއެވެ.
“ދަރިފުޅާ!” ޣަފޫރު އައިސް މާއިޝާގެ ގައިގައި ބައްދާލިއެވެ. މީ ދަރިފުޅަށް ހަދިޔާ ފޮނުވާ މަންމި، އިނގޭ! ދެން މިހިރީ މި މަންމިގެ ދަރިފުޅު ސަލީމާ. ތި ދެ ކުދިން ވާނެ ވަރަށް ގާތް، ވަރަށް އެކުވެރި ދެ ކުދިންނަށް ވާން!”
ޖަމީލާގެ ދެ މައިންނަށް ބަލައިލަމުން، މާއިޝާ ހިނިތުންވެލިއެވެ. ޖަމީލާއާއި ސަލީމާ ވެސް ހިނިތުންވެލިއެވެ. ސަލީމާގެ ހިނިތުންވެފައިވާ މޫނު ފެނުމުން، މާއިޝާއަށް ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރުވިއެވެ. ކޮންމެވެސް ތަނަކުން ފެނިފައިވާ މޫނަކާ ވައްތަރުވެގެންނެވެ. އެހެންނަމަވެސް ހަނދާނަކަށް ނައެވެ. ހަނދާންވޭތޯ އުޅެއުޅެ ސިކުނޑި ބުނެއެއް ނުދިނެވެ.
“އައްސަލާމް ޢަލައިކުމް!” މާއިޝާ ސިހުނީ ޖަމީލާ ސަލާމަށް އަތް ދިއްކޮށް ސަލާމް ގޮވައިލުމުންނެވެ. އޭރު ޖަމީލާ ހުރީ އޭނާގެ ގާތުގައެވެ. ހިނިތުންވެލައިގެން މާއިޝާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ވަޢަލައިކުމް ސަލާމް!” މާއިޝާ ވެސް ހިނިތުންވެލަމުން ޖަމީލާއާ ސަލާމްކޮށްލިއެވެ.
ޖަމީލާ ވަރަށް ލޯބިން މާއިޝާގެ ބުރަކަށީގައި ފިރުމައިލިއެވެ. ބޮލުގައި ފިރުމައިލިއެވެ. މާއިޝާގެ ހިތް އުފަލުން ފުރުނެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ، އޭނާގެ އުފަން މަންމަ އެނބުރި އައުމުން ކުރެވޭ ފަދަ ފޮނި އުފަލެކެވެ.
“ދަރިފުޅާ! ތިހެން ބީރައްޓެހިވެފައި ނުހުރެ އައިސް ކޮއްކޮއާ ސަލާންކޮށްލާ!” ސަލީމާއާ ދިމާއަށް ޖަމީލާ ބަލައިލިއެވެ.
ސަލީމާ ކުރިއަށް ހިނގައިގަތެވެ. މާއިޝާއާ ދިމާއަށް ބަލައިލަމުން ހިނިތުންވެ ހުރެއެވެ. އެއަށްފަހު މަޑުމަޑުން އައިސް މައިޝާ ގާތަށް ހުއްޓި ސަލާންކޮށްލިއެވެ.
“ތި ދެ ކުދިން ވަރަށް އެކުވެރިކޮށް އުޅޭންވާނީ. މަންމަ ދެކެނީ ތީ މިހާރު މަންމަގެ ދެ ދަރިން ކަމަށް.” ސާލީމާއަށާއި މާއިޝާއަށް ބަލައިލަމުން ޖަމީލާ ބުންޏެވެ.
ޖަމީލާ ގޮސް ޝާދިޔާއާ ސަލާންކޮށްލައި، ހާލު އަހުވާލު އަހައިލައި ހެދިއެވެ. ޝަދިޔާ ވެސް ވަރަށް ހިތްހެޔޮކޮށް ޖަމީލާއާ ވާހަކަ ދެއްކިއެވެ.
“މަންމާ! ކޮންމެވެސް ތަނަކުން އަހަންނަށް މާއިޝާ ފެނުނު ހަނދާންވޭ!” ސަލީލާ އިނީ ޖަމީލާގެ ކޮޓަރީގައެވެ. އޭރު ޖަމީލާ އުޅުނީ އޭނާގެ ހެދުންތަކާއި އެހެނިހެން ސާމާނު ފޮށިން ނަގައި އަލަމާރިއަށް ލުމުގެ މަސައްކަތުގައެވެ.
“މާއިޝާ ވެސް އުޅެނީ ތާޖުއްދީން ސްކޫލްގައޭ ޣަފޫރުބެ ބުނި. ތި ވާނީ ސްކޫލުން ފެނުނީ ކަމަށް.”
“އާނ! ޝާދިޔާދައްތަ ތި ބުނީ ހަމަ ރަނގޅަށް. ސްކޫލުން މައިއަށް އޭނަ ފެންނަނީ. މިހާރު ހަނދާން ވެއްޖެ.” މާއިޝާ އޮތީ އޭނާގެ ކޮޓަރީގައެވެ. އޭނާގެ ގާތުގައި ޝާދިޔާ އޮތެވެ. އެއީ މާހިރާ ދުނިޔެ ދޫކުރި ދުވަހުން ފެށިގެން ޝާދިޔާގެ އާދައެކެވެ. މާއިޝާއަށް ނިދެންދެން ޝާދިޔާ އޭނާގެ ގާތުގައި އޮންނާނެއެވެ. ކުރިން އެކަން ކުރާ މީހަކީ މާހިރާއެވެ.
މިހާރު އެ ގޭގެ އެންމެ އިސް މީހަކީ ޖަމީލާއެވެ. ޖަމީލާ އައުމުން ޝާދިޔާއަށް ވަރަށް ބޮޑަށް ލުއިވިއެވެ. ބަދިގޭގެ ކަންކަމާއި ގޭތެރޭގެ ކަންކަމުގައި ޖަމީލާ ހަރަކާތްތެރިވާތީއެވެ. މާހިރާ ދުނިޔެ ދޫކުރުމުން ގޭތެރެއަށް އައި ފަޅުކަމާއި އެކަނިވެރިކަން ފިލައި، ގޭތެރެއަށް ދިރުން ލިބިއްޖެއެވެ. އުޖާލާކަން ވެރިވެއްޖެއެވެ.
ޖަމީލާމެން އައިތާ ހަފުތާއެއްހައި ދުވަސްވީއިރު، މާއިޝާއާއި ސަލީމާގެ ގުޅުން ވެސް ވަރަށް ބޮޑަށް ބަދަހިވެއްޖެއެވެ. އެ ދެ ކުދިން ސްކޫލަށް ދަނީ އެކީގައެވެ. އަންނަނީ އެކީގައެވެ. އެހެންނަމަވެސް ކިޔެވުމުގެ ކަންކަމުގައި މާއިޝާގެ ހުންނަ ފޯރިއެއް ސަލީމާގެ ނުހުރެއެވެ. ސްކޫލުން އައުމަށްފަހު ފޮތެއްގައި އަތްލާ ތަނެއް ނުފެނެއެވެ. ގިނަ ވަގުތު އިންނާނީ ސިޓީންރޫމުގައި ޓީވީ ހުޅުވައިގެންނެވެ. ޖަމީލާ ނަސޭހަތް ދެއެވެ. އެހެންނަމަވެސް އެ އަކުން ފައިދާއެއް ކުރާ ތަނެއް ނުފެނެއެވެ.
މާއިޝާ ކިޔަވަން ކުރާ މަސައްކަތް ފެނިފައި ޖަމީލާ ދެރަވެއެވެ. ސަލީމާ ކިޔަވަން ނޫޅޭތީއެވެ. މި ދިޔަ އަހަރު ވެސް ހަތްވަނަ ގުރޭޑު ސަލީމާ ނިންމާލީ ގިނަ މާއްދާތަކުން ފާސްނުވެއެވެ. އެހެންނަމަވެސް އޭރު ޖަމީލާ އެ ކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. މާއިޝާ ކިޔެވުމަށް ހުންނަ ފޯރިއާއި ޝައުޤުވެރިކަން ފެންނާން ފެށުމުން، ސަލީމާގެ ކިޔެވުމާ މެދު ޖަމީލާއަށް ވެސް ސީރިޔަސް ވެވޭންފެށިއެވެ. މާއިޝާ މޮޅު ނަތީޖާ ހިފައިގެން އައިސް ގެއަށް ވަންނައިރު، ސަލީމާ ފާސްނުވެ އަތުވެއްޖިއްޔާ ކިހާ ލަދެއް ގަންނާނެ ހެއްޔެވެ؟
“ދެން މަންމާ! އަބަދު ކިޔެވޭތަ؟” ސޯފާގައި ދެފައި ވަށްކޮށްގެން ޓިވީ ބަލަން ސަލީމާ އިންދާ، ޖަމީލާ ގޮސް ކިޔަވާ ވާހަކަ ފެށުމުން ސަލީމާ ހިތްހަމަނުޖެހުނެވެ.
“އަބަދު ތި ކިޔަވަނީތަ؟ މިއަދު ވެސް ސްކޫލުން އައި ގޮތަށް، އަދި ގައިމު ފޮތެއްގައި އަތް ނުލާ. މިހާރު އެހެރަ އަސުރަށް ގޮވާން ކައިރިވަނީ.” ޖަމިލާ މަސައްކަތްކުރީ ސަލީމާއަށް ވިސްނައިދޭށެވެ.
“ސްކޫލަށް ގޮސް ވެސް ކިޔެވީއެއްނު! އެ ވަރަކުން ނުވޭތަ މިހާރު؟” ސަލީމާގެ އަޑު ތަންކޮޅެއް ބާރުވާން ފެށިއެވެ. މިހާރަކަށް އައިސް ކިޔަވާ ވާހަކަ މާ ގިނައިން ޖަމީލާ ދައްކާތީއެވެ.
“އާނ! އެ ވަރަކުން ނުވެއެއްނު! ނުވާތީއެއްނު މިދިޔަ އަހަރު ވެސް ފާސްނުވީ.”
“ދެން ތި ނޫން ވާހަކައެއް މަންމަ ވެސް ދައްކަން ވެއްޖެއެއްނު!” ސަލީމާގެ ބޮލަށް ވަރަށް ބޮޑަށް އުނދަގޫވާން ފަށައިފިއެވެ.
“ދަރިފުޅަށް ފެންނަންވާނެ މާއިޝާ ކިޔަވަން ކުރާ މަސައްކަތް. އޭނަ މޮޅު ނަތީޖާ ހިފައިގެން އަންނަ އިރު، ދަރިފުޅު ފާސްނުވީމަ މަންމަ ކިހައި ލަދެއް ގަންނާނެ!”
“މަށަށް އެނގޭ ތީ ކަން ވެގެން ތި އުޅޭ ގޮތަކީ. ކުރިއަކު މަންމަ ލަދަކުން ނޫޅޭ!” ސަލީމާއަކީ އަބަދުވެސް މަންމަގެ ކުރިމަތީގައި ބަސްބުނާން ޖެހިއްޖެ ނަމަ އެ ގޮތަށް ބަސްބުނާ ކުއްޖެކެވެ. އެހެންކަމުން ޖަމީލާއަކަށް އެ ކަން އާ ކަމަކަށް ނުވެއެވެ.
“ކުރިއާ މިއަދާ ތަފާތުވީމަ މިހެން މި ކިޔެނީ.”
އެކަމަކު ވެސް ހެޔޮ! މާއިޝާ އެ އުޅޭހެން އަބަދު ފޮތްތައް ހިފައިގެނެއް މަށަކަށް ނޫޅެވޭނެ!”
“އަބަދު ފޮތްތައް ހިފައިގެން އުޅޭށެކޭ ނޫނޭ. މަންމައަށް ޓަކައި ހުރިހައި މާއްދާއަކުން ފާސްވާވަރު ކޮށްލެވިދާނެއެއްނު!”
“މަންމަ މިހާރު ތި އުޅެނީ މަށަށްވުރެ މޮޅު ދަރިއަކު ލިބުނީމަ، މަ ދެކެ ފޫހިވެގެންހެން މަށަށް ހީވަނީ! ކޮންމެވެސް އެއްޗެކޭ ކިޔައިގެން، މަށާ ދިމާއަށް އެއްޗެހި ކިޔަން ތި އުޅެނީ!” ޖަމީލާއާ ދިމާއަށް ސަލީމާ ކަޅިއަޅައިގަތެވެ. އަދި ވަގުތުން ތެދުވެ، ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
ޖަމީލާއަށް އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރާފައި ހުރެވުނެވެ. އިރުގަނޑަކު އެ ގޮތަށް އޭނާއަށް ހުރެވުނެވެ. އެއަށްފަހު މަޑުމަޑުން ގޮސް އިށީންނީ، ކުރިން ވެސް އޭނާ އިން ގޮނޑީގައެވެ. އޭނާގެ ފަހާފޮށި ދޮށުގައެވެ. ފަހަން ފަށާފައި އޮތް ހެދުން ނިންމާލެވޭތޯ އޭނާ އުޅުނެވެ. އެ މަސައްކަތުގައި އިން ނަމަވެސް އޭނާގެ ސިކުނޑީގައި ވަރަށް ވަރުގަދަ ކޮށުމެއް އެބަ ކޮށައެވެ. އޭގެ ސަބަބުން ފެހުމުގެ މަސައްކަތަށް ދެވޭ ސަމާލުކަން ވަނީ ކުޑަވެފައެވެ.
ސަލީމާއާއި ޖަމީލާއާ ދެމެދު މީގެ ކުރިން ދުވަހަކު ވެސް މި ބާވަތުގެ މައްސަލައެއް ނުޖެހެއެވެ. ދެ މައިންގެ ވިސްނުމާއި ފިކުރު އަބަދު ވެސް ދަތުރުކުރާނީ އެއް މަގުން އެއް މިސްރާބަށެވެ. ލަނބައިލާނީ ވެސް އެއް ގޯޅިއަކަށެވެ. ގޮސް މަޑުޖެހިލާނީ ވެސް އެއް ދިމާއެއްގައެވެ. އެހެންކަމުން އެއް ވެސް ކަމަކާ ދެ ބަސްވާކަށް ނުޖެހެއެވެ. ދިރިއުޅުން ދިޔައީ އޭގެ ޒާތުގައި އޮމާންކޮށެވެ. ވަސްދޮވުމުގެ ނިއުމަތުން މަހުރޫމުވެފައިވާ ބަޔަކު، ކިތަންމެ ވަސްނުބައި ތަނެއްގައި އުޅޭން ޖެހުނަސް، ޝަކުވާގެ އެންމެ ލަފުޒެއް ވެސް ބުނެނުލާނެއެވެ. ޝަކުވާ އުފުލާން ފަށާނީ، އެ ނިއުމަތް ލިބުނު ދުވަހަކުންނެވެ.
މާއިޝާ އިނީ އޭނާގެ ކޮޓަރީގައެވެ. ފޮތް ކިޔާށެވެ. ޓެސްޓު މިހާރު ވަރަށް ކައިރިވެއްޖެއެވެ. މިދިޔަ އަހަރު ހޯދި ފަދަ ކުލަގަދަ ނަތީޖާއެއް ހޯދުމަކީ، މިއަހަރު ވެސް މާއިޝާގެ އުއްމީދެވެ. އަޒުމެވެ. އޭނާ މަސައްކަތްކުރަމުން ގެންދިޔައީ އެ އުއްމީދުގައެވެ. އެ އަޒުމުގައެވެ. އެ ދުވަސް ތަކުރާރުކުރެވޭތޯއެވެ.
ފިލާވަޅުތައް ހަދާން ކޮޓަރީގައި އިނދެއިނދެ ވަރުބަލިވެގެން މާއިޝާ ތެދުވިއެވެ. ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. އަލަމާރި ހުޅުވާލައިފައި ނެގީ މަންމަގެ ފޮޓޯލޯގަނޑެވެ. އެނދުމަތީގައި އޮށޯވެ މަންމަގެ ލޯބި މޫނަށް ކަޅިޖަހާނުލައި ބަލާންފެށިއެވެ. އެއީ އޭނާގެ ހަމަ ކޮންމެ ދުވަހެއްގެ ވެސް އާދެއެކެވެ. މަންމައާ އެ ގޮތަށް ވާހަކަ ނުދައްކާ އެއް ދުވަސް ވެސް ނުދާނެއެވެ. އެ ދުވަހެއްގައި ދިމާވި ހުރިހައި ވާހަކައެއް އޭނާ މަންމައަށް ކިޔައިދެއެވެ. ސްކޫލުގެ ވާހަކަތަކެވެ. ގޭތެރޭގެ ވާހަކަތަކެވެ. އެއީ ނަފުސުގެ ހަމަޖެހުމަށް ޓަކައި އޭނާ ކުރާ ކަމެކެވެ. މަންމަ ނެތުމުގެ ފަޅުކަމާއި ހިތާމަ ކުޑަވާތީއެވެ.
“މަންމީ!” މަންމަގެ ހިނިތުންވެފައިވާ މޫނަށް ބަލާން އޮވެއޮވެފައި މާއިޝާ ގޮވައިލިއެވެ. އޭނާ މަޑުމަޑުން މަންމަގެ މޫނުގައި ފިރުމައިލިއެވެ. އެއީ ވެސް އޭނާއަށް ވަރަށް ގިނައިން ކުރެވޭ ކަމެކެވެ.
“މަންމީ! މައި ވަރަށް ގިނަ އިރު މިއަދު ކިޔަވައިފިން.” މާއިޝާ މަންމައާ ވާހަކަ ދައްކާން ފެށިއެވެ. “މަންމިގެ ބަސް އަހައިގެން މައި ހުރިހައި ނަމާދެއް ކުރަން އިނގޭ މަންމީ! މަންމިއަށް އެނގޭތަ؟ ރޭ މައިއަށް ހޭލެވުނީ ފަތިސްނަމާދަށް ބަންގި ގޮވާއަޑަށް. ދެން މައި އަވަސްއަވަހަށް ތެދުވެ ނަމާދުކޮށްލީ. ޝާދިޔާ ދައްތަ އައި އިރު، މައި ހުރީ ނަމާދުކުރަން.” މާއިޝާގެ ތުންފަތްމަތީން ހިނިތުންވުމުގެ އުފާވެރިކަން ފެނުނެވެ. “އަސުރުނަމާދު ވެސް މިހާރު މައި ކޮށްފިން. “މަންމީ! މިއަދު މައިއަށް ވަރަށް ކުރިން ސްކޫލަށް ދެވުނު. އެހެންނުވާނީ! މައި ގަޑިޖެހިދާނެތީ ޝާދިޔާ ދައްތަ ހުންނާނީ އަބަދު އަވަސްކުރަން ކިޔަކިޔާ….”
މައިޝާ އޭނާގެ މަންމައާ މުޚާތަބުކޮށް އެކަނިމާއެކަނި ކޮޓަރީގައި އޮވެ ވާހަކަދައްކަމުން ގެންދިޔައެވެ. ބައެއް ފަހަރު އުފާވެރިކަމުގެ ކުލައް މޫނުމަތީގައި ވިދަން ފަށައެވެ. ހިނިތުންވުން ތުންފަތްމަތީގައި ދުވެލައެވެ. ހިތާމައިގެ ބަނަކަން މޫނުމައްޗަށް ވެރިވެއެވެ. ކަރުނައިގެ ތެތްކަން ދެ ލޮލަށް ވެރިވެއެވެ. އެހެންނަމަވެސް އެންމެ ފަހަރަކު ވެސް އޭނާ ނުރޮއެވެ.
މިއަދުގެ ހުރިހައި ވާހަކައެއް މަންމައާ ހިއްސާކޮށްފައި މާއިޝާ ތެދުވިއެވެ. ފޮޓޯލޯގަނޑު ހިފައިގެން ގޮސް އަލަމާރިއަށް ލާފައި، މޭޒުމަތީގައި ހުރި ފޮތްތައް ތަރުތީބުކޮށްލުމަށްފަހު ކޮޓަރިން ނިކުތެވެ. ކިޔަވާ ނިމިގެން ފޮތްތައް ތަރުތީބުކުރުމަކީ އެންމެ ކުޑައިރުއްސުރެ މާއިޝާގެ ކިބައިގައި ހަރުލާފައި ހުންނަ ރީތި އާދައެކެވެ. އެ އާދަ ހިފާފައި ހުރި އަތަކުން އެ އާދަ ހަރުލައްވާފައި ވާތީއެވެ.
މާއިޝާ ކޮޓަރިން ނިކުތްއިރު ޖަމީލާ އިނީ ފަހާފޮށި ދޮށުގައެވެ. ފިކުރެއްގައި އިން ކަހަލަ ގޮތަކަށް ހުއްޓުން އަރާފައެވެ. ކަޅި ހުއްޓިފައި ހުރީ އުނގުމަތީގައި އޮތް، އޭނާ މިއަދު ފަހާން ފަށައިގެން އުޅޭ ހެދުމާ ދިމާއަށެވެ. އެހެންނަމަވެސް ސިކުނޑި ވަނީ ތަފާތު ފިކުރުތަކަކުން ފުރިފައެވެ.
ޖަމިލާ އިނީ ފުން ފިކުރެއްގައި ހައްޔަރުވެފައިކަމެއް މާއިޝާއަކަށް ނޭނގެއެވެ. އޭނާ ބޭނުންވީ ޖަމީލާއާ ސަމާސާކޮށްލާށެވެ. އެހެންކަމުން ޖަމީލާއަށް ނުފެންނަ ގޮތަށް ލުއި ފިޔަވަޅުތަކެއްގައި، އެ ދިޔަ ގޮތަށް ގޮސް “މަންމީ”އޭ ކިޔައި ޖަމީލާގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު ޖަމީލާ ސިހުނެވެ. ވަރަށް ބޮޑަށެވެ. ސިކުނުލެއް ބޮޑުކަމުން، ޖަމީލާއަށް ކޮންމެވެސް ވަރަކަށް ހަޅޭއް ވެސް ލަވައިގަނެވުނެވެ. އެ ވަގުތު މާއިޝާ ގާތަށް އައީ ހިންޏެވެ. ޖަމީލާގެ ގައިން ދޫކޮށްކޮށްލަމުން، ވަރަށް މަޖާވެފައި އޭނާ ހޭންފެށިއެވެ.
އެ ފަދަ ސަމާސާތަކަކީ މާއިޝާއާއި އޭނާގެ މަންމައާ ދެމެދުގައި ވަރަށް އާންމު ސަމާސާތަކެކެވެ. މާއިޝާ ވަރަށް ގިނައިން އެ ގޮތަށް އައިސް މާހިރާ ސިއްސައިލައެވެ. އެ ފަދަ ކޮންމެ ވަގުތަކު މާހިރާގެ މޫނުމަތިން ފެންނާނީ އުފާވެރިކަމެވެ. މާހިރާއަށް އެ ކަންކަން ވާނީ މަޖަލަކަށެވެ. އޭނާ ހެމުންހެމުން އައިސް، މާއިޝާގެ ގައިގައި ބައްދާލައެވެ. މާއިޝާ ވެސް މަންމަގެ ގައިގައި ބައްދާލަމުން، ލޯބިން ކޮލަށް ނޫނީ ނިތްކުރިއަށް ދޮނެއް ދޭނެއެވެ.
މާއިޝާގެ ސިކުނޑީގައި މިއަދު ވެސް ވަނީ އެ ތަސްވީރެވެ. އެ މަންޒަރެވެ. މަންމަ ސިއްސައިލައިފައި ހެމުން ގެންދިޔައިރު، އޭނާގެ ސިކުނޑީގެ ދެ ލޯ އޭނާއަށް ފަހާފޮށިދޮށުން ދައްކައިދިނީ، އޭނާގެ ލޯބިވާ މަންމައެވެ.
“މާއިޝާ!”
މާއިޝާގެ ކަންފަތުގައި ގުގުމައިގަތީ ނުރުހުމާ އެކު، މީހަކު އޭނާގެ ނަމުން ގޮވައިލި އަޑެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް މީހަކު އޭނާއަށް ގޮވައިލި ރާގެއް ނޫނެވެ. ހެމުންހެމުން ދިޔަ މާއިޝާގެ ހަރަކާތަށް ހުއްޓުން އެރިއެވެ. އަޑު އައި ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ، ފަހާފޮށި ކައިރީގައި ކޮޅަށް ހުރި އޭނާގެ މިއަދުގެ މަންމިއެވެ. މަންމިގެ މޫނުމަތީން ފެންނަން ހުރީ ނުރުހުމެވެ. ދެ ލޯ ހުރީ ބޮޑުވެފައެވެ.
“ތި ކަހަލަ ކަންތައް ކުރީމަ މަށަކަށް މަޖަލެއް ނޫން!” ޖަމީލާގެ އަޑުގައި ހުރީ ނުރުހުމެވެ.
ފެނުނު މަންޒަރުގެ ހިތިކަމާއި ކަންފަތުގައި ޖެހުނު ޖުމުލައިގައި ހުރި މުރަނަކަން މާއިޝާގެ ކުޑަކުޑަ ހިތަށް ވަޒަން ކުރެވުނެވެ. އެ ވަގުތު މާއިޝާގެ މައުސޫމު ހިތް ތެޅިގަތެވެ. މޫނުމަތީން ފެނުނީ ކަންބޮޑުވުމާއި ހާސްކަމެވެ. ޖަމީލާއަށް މި ކަން ފާހަގަކުރެވުނެވެ. އޭނާ ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. އައިސްފައިވާ ރުޅިގަނޑުގެ މައްޗަށް ބާރުހިންގައިލިއެވެ.
“ދަރިފުޅު ތި ކުރިކަމަކުން މަންމަ ދިޔައީ ސިއްސައިގެނޭ.” ޖަމީލާ ހިނިތުންވަމުން އައިސް މާއިޝާގެ ގައިގައި ބައްދާލިއެވެ. ދެން ވެސް ތި ކަހަލަ ކަމެއް ނުކުރައްޗޭ! ނަސީބެއްނު މަންމަ ބިރުން މަރު ނުވިކަން.” ޖަމީލާ ހޭންފެށުމުން މާއިޝާގެ ހިތުގައި އުފެދުނު ނުތަނަވަސްކަމާއި ބިރުވެރިކަން ފިލައިފިއެވެ.
“ކޮބާ ސަލީމާ ދައްތަ؟”
“ވެއްޖެ ކޮޓަރީގަ. ގޮސްބަލަ ގޮވަން. އޮވެދާނެ ނިދިފައި ވެސް. ސަލީމާދައްތަ ގޮވައިގެން ދެ ކުދިން ދޭ ސައިބޯން.”
މާއިޝާ އަވަސްއަވަހަށް ސަލީމާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޖަމީލާ ހުރީ އެ ދިމާއަށް ބަލާށެވެ. އޭރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މާއިޝާ ދިޔައިމަ ސަލީމާ އަނެއްކާ ކިހިނެއް ހަދާނެ ބާވައެވެ؟ ނުރުހުމުގެ ތެރެއިން އެއްޗެއް ނުބުނިއްޔާ ކިތަންމެހައި ވެސް ރަނގަޅެވެ. މިހައި އަވަހަށް ގޭތެރޭގެ މަސްލަހަތު ގެއްލިދާކަށް ޖަމީލާ ނޭދެއެވެ.
މާއިޝާ ގޮސް ސަލީމާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. ދެ ފަހަރަކު ޖަހައިލުމަށްފަހު ޚަބަރެއް ނުވުމުން ގޮވައިލިއެވެ. ދެތިން ފަހަރު ގޮވައިލުމުން ސަލީމާ އައިސް ދޮރު ހުޅުވިއެވެ.
“ސަލީމާ ދައްތަ ނިދަނީތަ؟” ސަލީމާގެ ކޮޓަރިއަށް މާއިޝާ ވަނެވެ. “މަންމި ބުނީ ސައިބޯން ދާން ހިނގާށޯ.” މާއިޝާ ގޮސް ސަލީމާގެ އެނދުގައި ޖައްސާލިއެވެ. މަޑުކޮށްލާށޭ ބުނެފައި ސަލީމާ ގޮސް ވަނީ ފާޚާނާއަށެވެ.
ޖަމީލާއާއި ޣަފޫރު ތިބީ ކޮޓަރީގައެވެ. ނިދަން ތައްޔާރުވެގެން އެނދުމަތީގައެވެ. ވަގުތަކީ ރޭގަނޑު ދިހައެއް ޖަހައި އެހައިކަންހައި އިރެވެ. ޣަފޫރާއި ޖަމީލާއާ ދެ މީހުން، ދިރިއުޅުމުގެ އެކިއެކި މަޝްވަރާތަކުގައި ތިބެފައި ޣަފޫރު ސުރުޚީ ބަދަލުކޮށްލިއެވެ.
“ކިޔެވުމުގެ ކަމެއްގައި ސަލީމާ އުޅޭތަން ހާދަ ނުފެނޭ! އަހަންނަށް އަބަދުވެސް ފެންނަނީ އެ މަންޖެ ޓީވީ ބަލަން އިންނަތަން. ނޫނީ ކޮންމެވެސް އެހެން ބޭކާރު ކަމެއްގައި އުޅޭތަން.”
ޣަފޫރުގެ އެ ވާހަކައަށް ދޭނެ ޖަވާބެއް ޖަމީލާގެ ސިކުނޑިއަކަށް ނުވަނެވެ. ޣަފޫރު އެ ބުނީ ރަނގަޅު ވާހަކައެކެވެ. ސަލީމާ އުޅެނީ އެހެންނެވެ. އެހެންނަމަވެސް ޣަފޫރަށް އެ މަންޒަރު ފެންނާކަށް ޖަމީލާ ބޭނުމެއް ނުވެއެވެ. ޣަފޫރަށް ސަލީމާގެ ސިފަ ޖަމީލާ ދައްކައިދީފައި ވަނީ އެހެނެއް ނޫނެވެ. ކިޔަވަން މަސައްކަތްކުރާ، އަޚުލާޤު ރަނގަޅު ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. އަނެއްކޮޅުން މާއިޝާ އެ ވަރަށް ކިޔަވާއިރު، ސަލީމާ ނުކިޔަވާ ކުއްޖެއްގެ ގޮތުގައި ފެންނާކަށް އެއްގޮތަކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ.
“އެއީ ކުރިން އެހެން އުޅުނު ކުއްޖެއް ނޫނެއްނު! ޖަމީލާ ނިކަން އެ މަންޖެއަށް ނަސޭޙަތް ދީބަލަ! އެހެންނޫނީ ކަމަކުނުދާނެ! ޖަމީލާ ބޭނުމިއްޔާ އެ މަންޖެއަށް ޓިޔުޝަން ނެގޭ ގޮތް ވެސް ހަމަޖެއްސިދާނެ!” ޣަފޫރު ކަންބޮޑުވަނީ ސަލީމާގެ އުޅުން މާއިޝާ ނަކަލުކޮށްފާނެތީ ކަންނޭނގެއެވެ.
“ކޮންމެ ދުވަހަކު ވެސް ކިޔަވާފަ އައިސް ޓީވީ ބަލަން އެ އިންނަނީ.” ޖަމީލާ ހެދީ ދޮގެވެ. ނުކިޔަވާ ކުއްޖެއްގެ ގޮތުގައި ސަލީމާ ދައްކަން ބޭނުންނުވާތީއެވެ.
“ތިހެންވިއްޔާ ރަނގަޅު. ނުކިޔަވާ، ނަމާދުނުކޮށް އެއްވެސްކަމެއް ކުރިޔަ ދީގެން ނުވާނެ! މާއިޝާ ވެސް ގަވާއިދުން ނަމާދުކުރޭތޯއާއި ކިޔަވާތޯ ބަލާތި! ޝާދިޔާގެ އަތްމައްޗަށް ހުރިހައި ކަމެއް ދޫކޮށްލާފައި ބަހައްޓައިގެންނުވާނެ އިނގޭ!”
“ބަލަމޭ! ތިހެން ބުނީމަ ހީވަނީ އަހަރެން އެކަންކަން ނުބަލައޭ ބުނާހެން.” ޖަމީލާ ތުންފަތްމަތިން ހިނިތުންވުން ފެނުނު ނަމަވެސް، ހިތުގައި އުފެދިފައި އޮތީ ނުރުހުމުގެ އޮއިވަރެކެވެ.
“ނޫނޭ! މަށަށް އެނގޭ ޖަމީލާ ބަލާނެކަން. މާއިޝާ ދެކެ ޖަމީލާ ވާ ލޯބި މަށަކަށް ނޯޅޭނެ ދޯ!”
“އާނ! ތިހެން ބުނީމަ މި ހަނދާންވީ. މާދަމާ މީ ހުކުރު ދުވަހެއްނު. ހިތަށް އެބަ އަރާ އެ ދެ ކުދިން ގޮވައިގެން މާދަމާ ހަވީރު ބޭރަށް ނިކުމެލަން.”
“ވަރަށް ރަނގަޅު ކަމެއް ތީ. ތި ވާހަކަ ބުނަން ހިތަށް ބުނަން ބޭނުންވެފައި އޮއްވާ ތި ބުނީ ވެސް. ދޭތެރެދޭތެރެއިން އެ ވެރިން ގޮވައިގެން ވާނެ ނިކުމެލަން. މާހިރާ ދުނިޔޭގައި، މާހިރާ ވެސް މާއިޝާ ގޮވައިގެން ދާނެ ބޭރަށް.”
ހަފުތާގެ އަންގާރަ ދުވަހެވެ. ޖަމީލާއާއި ޣަފޫރު ތިބީ ކާގޭގައެވެ. މެންދުރު ނަމާދުން ފައިބައިގެން ޣަފޫރު ގެއަށް އައީ މެންދުރުކާށެވެ. އޭރު އަދި މާއިޝާއާއި ސަލީމާ އިސްކޫލުން ނިމިގެން ގެއަކަށް ނާދެއެވެ. ޝާދިޔާ ވީ އެ ދެ ކުދިން ބަލާ އިސްކޫލުދޮށަށް ގޮހެވެ.
އިރުކޮޅަކުން ޝާދިޔާއާއި މާއިޝާ އައިސް ގެއަށް ވަން މަންޒަރު ފެނުނެވެ. އެހެންނަމަވެސް ސަލީމާއެއް ނެތެވެ. އެ މީހުންނާ އެކު ސަލީމާ ގެއަކަށް ނާދެއެވެ.
“ކޮބާ ސަލީމާ؟” ސަލީމާ ނުފެނުމުން ޖަމީލާއަށް ސުވާލުކޮށްލެވުނެވެ.
“ސަލީމާ އަދި ނުނިމޭ! ނިމުނީމަ ގުޅާނަމޯ މިސް ބުނީ.” ޝާދިޔާ ޖަވާބު ދިނެވެ.
“ނުނިމެއޭ؟ ކީއްވެ މާ ލަހުން މިއަދު….”
“މަންމިއަށް އެނގޭތަ ވީ ގޮތް؟” މާއިޝާ އައިސް ޖަމީލާގެ ގާތަށް ހުއްޓެމުން އަހައިލިއެވެ.
“ކިހިނެއްވީ؟” ޖަމީލާއަށް އަވަސްއަވަހަށް އަހައިލެވުނެވެ.
“ސަލީމާ ދައްތަ ފިލާވަޅުތައް ނުނިންމާ ހުރީމަ ފިލާވަޅުތައް ނިންމަން މަޑުކުރުވީ. ދޯ ޝާދިޔާ ދައްތާ! މިސް ބުންޏެއްނު އެހެން!” މާ ބޮޑު ފިކުރެއް ޚިޔާލެއް ނެތި މާއިޝާ ވީ ގޮތް އޮޅުންފިލުވައިދިނެވެ.
މާއިޝާގެ އެ “ދޯ” އަށް ޝާދިޔާއަށް ޖެހުނީ ބޯ ޖަހައިލާށެވެ. އޭރު ޝާދިޔާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ޝާދިޔާ އެ ވާހަކަ އެ ގޮތަށް ނުބުނީ، ސަބަބެއް ނެތީމައެއް ނޫނެވެ. މާއިޝާ އެހެން ބުނެފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެ މަންޖެ ގާތުގައި ގެއަށް އައިސް އެ ވާހަކަ ނުބުނާށޭ ނުބުނެވުނު މޮޔަ ޝާދިޔާގެ ހިތަށް އެރިއެވެ.
މާއިޝާގެ އެ ޖުމުލައާ އެކު، ޖަމީލާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. ބަނަކަން ވެރިވިއެވެ. އޭނާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ޣަފޫރުގެ މޫނަށެވެ. އޭރު ޣަފޫރު ވެސް އިނީ ޖަމީލާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ބެލުމުގައި ބުނާ ކަހަލައެވެ. ކޮބާ ކަމެއްހެން ހީވޭ ހެއްޔެވެ؟ މަގޭ ގާތުގައި ދެއްކި ވާހަކައާ ޢަމަލާ ދިމާވޭ ހެއްޔެވެ؟
“އެކަމަކު އެންމެ ދުވަހަކު ފިލާވަޅު ނުނިންމާ ދާއިރަށް ބަހައްޓަން ޖެހޭތަ؟” ޖަމީލާ މަޑުމަޑުން މިހެން ބުނެލީ، ޣަފޫރަށް މެސެޖެއްދޭން ކަމަށެވެ.
“ދަރިފުޅާ! ހިނގާ ދެން އެއްޗެހި ބަދަލުކުރަން ކޮޓަރިއަށް ދާން!” ޝާދިޔާ އުޅުނީ މާއިޝާ ގޮވައިގެން އަވަހަށް އެ ތަނުން ދާށެވެ. އެހެންކަމުން އޭނާ މާއިޝާގެ އަތުގައި ވެސް ހިފިއެވެ.
“ނޫން މަންމީ! ސަލީމާ ދައްތަގެ މިސް ބުނީ ސަލީމާ ދައްތަ ވަރަށް ގިނައިން ފިލާވަޅު ނުނިންމާ އާދެޔޯ. އެހެންވެގެންނޯ މިއަދު މަޑުކުރުވީ.”
މާއިޝާ އިތުރު އެއްޗެއް ބުނާންވާއިރަށް ޝާދިޔާ އަވަސްއަވަހަށް މާއިޝާ ގޮވައިގެން އެ ތަނުން ނިކުމެއްޖެއެވެ. އޭރު ޝާދިޔާގެ ހިތް އޮތީ ނުތަނަވަސްކަމުގެ ކޯރަކަށް ގެނބިފައެވެ.
“ދަރިފުޅާ!” މާއިޝާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ، އެނދުމަތީގައި އިށީންނަމުން ޝާދިޔާ ވާހަކަދައްކަން ފެށިއެވެ. މާއިޝާ ގެނެސް ގަޔާ ކައިރިކޮށްލަމުންނެވެ. “ކީއް ތި ކުރީ ދަރިފުޅާ؟” މާއިޝާގެ މޫނަށް ބަލަހައްޓައިގެން އިނދެ ޝާދިޔާ އަހައިލިއެވެ.
“ކިހިނެއްވީ ޝާދިޔާ ދައްތާ؟”
“ދަރިފުޅު ކީއްވެ މަންމި ގާތު ސަލީމާ ދައްތަގެ ވާހަކަ ތި ބުނީ؟”
“އޭރުންނެއްނު މަންމިއަށް އެނގޭނީ! ސަލީމާ ދައްތައަށް ނަސޭޙަތްދެވޭނީ ވެސް.”
“އެކަމަކު ދަރިފުޅު ތި ވާހަކަ ދެއްކިކަން އެނގުނީމަ، ސަލީމާ ދައްތަ ކިހައި ދެރަވާނެ!”
“ސަލީމާ ދައްތަ ފިލާވަޅުތައް ނުނިންމާ ސްކޫލަށް ދާތީ މައި ވެސް ދެރަވެއޭ! މިއަދު ސަލީމާ ދައްތައާ މަންމި އެ ވާހަކަ ދެއްކީމަ، ދެން ސަލީމާ ދައްތަ ފިލާވަޅުތައް ނިންމާނެއެއްނު!”
ޝާދިޔާ އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިލުމުން މާއިޝާގެ މަޑުމަޑުން ޝާދިޔާގެ އިސް އުފުލައިލިއެވެ.
“ޝާދިޔާ ދައްތަ ކީއްވެތަ ތި ދެރަވަނީ؟ އެއީ މައި ރަނގަޅަކަށް ކުރި ކަމެކޭ! ސަލީމާ ދައްތަ ވެސް މޮޅު ކުއްޖަކަށް ވާނީ އޭރުންނެއްނު!”
“ދަރިފުޅުގެ ތި ވިސްނުން ކިތަންމެހައި ވެސް ރަނގަޅު!” ޝާދިޔާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިއަދު މި ދިމާވި ކަންތަކުގެ ނަތީޖާ، ގޭތެރެއަށް ބިންދައިލާ ބޮޑު ރާޅަކަށް ނުވިއްޔާ ކިތަންމެހައި ވެސް ރަނގަޅޭ އޭނާގެ ހިތަށް އެރިއެވެ.
“މިހާރު ޝާދިޔާ ދައްތަ ވެސް އުފާވެއްޖެއެއްނު ދޯ!” ޝާދިޔާގެ ދެ ކޮލުގައި ހިފައިލަމުން މާއިޝާ ހިނިތުންވެލިއެވެ.
“ދެން ހިނގާ އަވަހަށް އެއްޗެހި ބަދަލުކޮށްގެން، ނަމާދުކުރަން އުޅެން. މިހާރު ހުންނާނީ ބަނޑުހައި ވެސް ވެފައެއްނު!” ޝާދިޔާ ތެދުވިއެވެ.
“މައި ކާނީ ސަލީމާ ދައްތަ އައިމަ.”
ސަލީމާ ބަލާ އަންނަން އިސްކޫލުން ގުޅީ، އެ ދުވަހުގެ ދޭއް ވެސް ޖެހިފަހުންނެވެ. ޖަމީލާގެ ފޯނަށެވެ. އޭރު ޖަމީލާ އޮތީ ކޮޓަރީގައެވެ. ޣަފޫރު ވީ ފިހާރައަށް ގޮހެވެ. ޖަމީލާ އޮތީ ވަރަށް ބޮޑަށް ނުރުހިފައެވެ. ޣަފޫރަށް އަންގަން ބޭނުންނުވާ ކަމެއް އެނގުނީމައެވެ. އެ ކަމާ ބެހޭގޮތުން ޣަފޫރު އެއްވެސް އެއްޗެއް ނުބުނެއެވެ. އެ މައުޟޫއަށް ހޭ ވެސް އަހައިނުލައެވެ. އެހެންނަމަވެސް އަދި އޭނާ ކޮންމެވެސް އިރަކުން އެ ވާހަކަ ދައްކާނޭކަން ޖަމީލާއަށް އެނގެއެވެ. އޭނާ ދެން ދެނީ ވެސް ކޮން ޖަވާބެއް ހެއްޔެވެ؟
މި ކަމާ ގުޅިގެން ޖަމީލާގެ ނުރުހުން އަމާޒުވީ ޝާދިޔާއާއި މާއިޝާއަށެވެ. އޭނާގެ ހިތް ބުނީ، އެއީ ޝާދިޔާ އިސްވެ ހުރެ، މާއިޝާ ލައްވާ ކުރުވިކަމެއް ކަމަށެވެ. ޣަފޫރަށް އެކަން އަންގައި ސަލީމާ ފަޟީޙަތްކޮށްލަން ކުރި ކަމެއް ކަމަށެވެ. ޖަމީލާގެ ހިތުގައި ޝާދިޔާއާ މެދު ނުރުހުމުގެ ކަންޏެއް ރޯވެ، އަނދާން ފެށިއެވެ.
މި ކަހަލަ ފިކުރުތަކަކުން ސިކުނޑި ފުރާލައިގެން ޖަމީލާ އޮއްވާ، ދެވަނަ ފަހަރަށް އިސްކޫލުން ގުޅައިފިއެވެ. ޖަމީލާ އަވަސްއަވަހަށް ތެދުވިއެވެ. ފުރަތަމަ އޭނާ ވިސްނީ ސަލީމާ ބަލާ ޝާދިޔާ ފޮނުވާށެވެ. އެހެންނަމަވެސް ފަހުން ޚިޔާލު ބަދަލުވެއްޖެއެވެ. އޭނާ އަވަސްއަވަހަށް ޓެކްސީއަކަށް ގުޅައިގެން، އިސްކޫލުދޮށަށް ދިޔުމަށް ޓަކައި ނައްޓާލައިފިއެވެ.
ޓެކްސީގައި އިން އިރު އޭނާ އަށް އިނދެވުނީ ފުން ފިކުރެއްގައެވެ. އޭނާގެ ސިކުނޑީގެ މަސައްކަތް މި ވަގުތު ވަރަށް ބުރަކަން، ނިތްކުރިއަށް އަރާފައި ހުރި ރުލާއި މޫނުމައްޗަށް އަރައި ފައިބަމުން ދާ ކުލަތަކުން އެނގެއެވެ.
“ކީއްވެތަ މަންމަ ފާޑަކަށް މިއަދު ތި އިންނަނީ؟” ކާރުގައި ގެއަށް އައި މަގުމަތީގައި ސަލީމާ ސުވާލުކުރިއެވެ.
“ފާޑަކަށް ދޯ އިނދެވޭނީ.” ޖަލީމާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
“ހުރިހައި ފިލާވަޅެއް ނިންމާފައޭ މި އައީ.”
“ތި ކަމަކާ ނޫނޭ މި ވިސްނަނީކީ.”
“ދެން ބުނެބަލަ!”
“ޣަފޫރުބެއަށް އެނގުނީމަ މަންމަ ކަންބޮޑުވަނީ.”
“ކޮންކަމެއް؟”
“ދަރިފުޅު ކިޔެވުމަށް ފަރުވާކުޑަކަން. މިއަދު ސްކޫލުގައި މަޑުކުރަން ޖެހުނުކަން”
“މަންމަ ބުނީތަ؟” އަވަސްއަވަހަށް ސަލީމާއަށް އަހައިލެވުނެވެ.
“މަންމަ ބުނާނެތަ؟” ސަލީމާގެ މޫނަށް ޖަމީލާ ބަލައިލިއެވެ.
“ދެން…؟”
“އެ އުޅޭ އަނގަ ގަދަ މާއިޝާގެ ކަންތައް!”
“ގެއަށް ދިޔަ ގޮތަށް ކުޓުވާލީ ދޯ؟ ކިހައި ބޮޑު ކަމެއް!” ސަލީމާގެ އަޑު ތަންކޮޅެއް ބާރުވެއްޖެއެވެ. މޫނުމަތީން ރުޅިވެރިކަން ފާޅުވިއެވެ. “ހުވާ މިބުނި ގެއަށް ދާ ގޮތަށް، އޭނާއާ ދިމާއަށް އެއްޗެހި ކިޔައިގަންނާނަން! ނުޖެހޭނެ…” ޖަމީލާ ވަގުތުން ސަލީމާގެ އަނގަމަތީގައި އަތް އެޅިއެވެ.
ސަލީމާ މާ ބޮޑަށް ރުޅިއައުމުން، ގެއަށް ދިޔުމުގެ ވިސްނުން ޖަމީލާ ވަގުތުން ބަދަލުކޮށްލައިފިއެވެ. ސަލީމާ މައިތިރި ނުވަނީސް، ގެއަށް ދިޔުން ބުއްދިވެރި ނުވާނޭކަން ވިސްނިގެންނެވެ. އެހެންކަމުން ދަތުރުގެ މިސްރާބު ބަދަލުކޮށްލުމަށް ޑްރައިވަރަށް އެންގިއެވެ. އޭގެ ތިން ހަތަރު މިނެޓެއް ފަހުން، ކާރު ގޮސް މަޑުކޮށްލީ “ޗައިނާ ގަރޑަން” ކައިރިއަށެވެ. އެއާ އެކު ޖަމީލާގެ ދެ މައިން ކާރުން ފައިބައިގެން ގޮސް، އެ ތަނަށް ވަދެއްޖެއެވެ.
“ބުނަންތަ ދަރިފުޅާ! އެއްވެސް ކަމެއްގައި ބުއްދިއަށްވުރެ ރުޅި އިސްނުކުރައްޗޭ!” ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ސަލީމާގެ މޫނަށް ބަލަހައްޓައިގެން އިނދެ، ޖަމީލާ މަޑުމަޑުން ބުންޏެވެ. “ވަޅެއް ނުތެޅޭނެ! ތެޅޭނީ ދާނި!”
“މަންމަ ތި ކިޔާ އެއްޗެއް މަށަކަށް ނޭނގެ! އެކަމަކު މާއިޝާ ނުޖެހޭނެ މަގޭ ވާހަކަ އޭނާގެ ބައްޕަ ގާތުގައި ދައްކާކަށް.”
“މައިތިރިވެބަލަ! ހަމަޖެހިބަލަ!” ސަލީމާގެ އަތުގައި ޖަމީލާ މަޑުމަޑުން ހިފަހައްޓައިލިއެވެ.
ވޭޓަރެއް އައިސް މޭޒު ކައިރިއަށް މަޑުކޮށްލީ އެ ވަގުތުއެވެ. އެ ދެ މައިންގެ ކުރިމަތީގައި “މެނޫ” ބާއްވައިލުމުން، ވޭޓަރުގެ މޫނަށް ބަލައިލަމުން ޖަމީލާ ހިނިތުންވެލިއެވެ.
ކާ ތަކެއްޗަށް އޯޑަރު ދިނުމަށްފަހު، ޖަމީލާ މަސައްކަތްފެށީ، ސަލީމާއަށް ވިސްނައިދެވޭތޯއެވެ. އޭނާގެ ވާހަކަތައް ބައްޓަންކުރީ ސަލީމާއަށް ވިސްނޭ ގޮތަށެވެ. އޭނާ ޣަފޫރާ ކައިވެނިކުރި މަޤުޞަދު ފުރަތަމަ ފަހަރަށް ސަލީމާގެ ގާތުގައި ޖަމީލާ ބުންޏެވެ. އޭނާގެ ހިތުގައި މިހާ ދުވަހު ރައްކާކޮށްފައިވާ ބޮޑު ސިއްރު ސަލީމާގެ ކުރިމަތީގައި ހާމަކުރިއެވެ. އެ ކަމުގެ ނިވަލުގައި އޮތީ އެ ދެ މައިންނަށް އޮތް ބޮޑު ފައިދާގަނޑެކެވެ. ޖަމީލާގެ ވާހަކަ ނިމުނު އިރު، ސަލީމާ އިނީ ފިނިވެފައެވެ. ނުރުހުމާއި ރުޅިވެރިކަން ފިލައިފައެވެ. މޫނުމަތީގެ ބަނަކަން ފިލައި އަލިވެފައެވެ.
“ކަމެއް ދިމާވާ ކޮންމެ ފަހަރަކު ރުޅި އައިސްގެން ތިޔަ ގޮތަށް ފުންމައިގަނާން ވެއްޖިއްޔާ، ނިކަން ފަސޭހައިން ވެއްޓި އިނދަޖެހޭނެ! މީގެ ފަހުން ހިތްހަމަނުޖެހޭ ކަމެއް ދިމާވާ ކޮންމެ ފަހަރަކު، މަންމަ މި ދެއްކި ވާހަކަތައް ހަނދާނަށް ގެންނާތި! މަންމަ ދިލައި ސާފުކުރަމުން މި ގެންދާ މަގު ބަންދުވާ ގޮތަށް އެންމެ ފިޔަވަޅެއް ވެސް ނާޅާ ވޭތޯ ބަލާތި!”
ޖަމީލާ ދެއްކި ވާހަކަތަކަށް ސަލީމާ ލޮލުން، ބޮލުން އެއްބަސްވެއްޖެއެވެ. ކުރިއަށް އޮތް ތަނުގައި އެ ފަދަ ގޮތަކަށް ކަންތައް ނުކުރާނޭކަމަށް އެއްބަސްވިއެވެ.
“ދެން އަވަހަށް ކާންފަށާ!” ކުރިމަތީގައި ދުންއަރައަރާ ހުރި ސްޕެގެޓީ ތަށްޓަށް އިޝާރާތްކުރަމުން ޖަމީލާ ބުންޏެވެ.
“ސަލީމާ ދައްތަ ނާންނަނީސް ކާންފެށީމަ ކިހިނެއްވާނީ؟” ޝާދިޔާގެ މޫނަށް ބަލައިލަމުން މާއިޝާ ބުންޏެވެ.
“އެކަމަކު މިހާރު އެހެރަ ތިނެއް ޖަހަނީ. ދަރިފުޅު މިހާރު ތި އިނީ ނުލާހިކު ބޮޑަށް ބަނޑުހައިވެފައެއްނު! ދެން ކާންފަށާ އަވަހަށް.”
“މަންމިއަށް އަޅެ ގުޅައިލަބަލަ! ފަހަރެއްގައި މިހާރު ވަރަށް ކައިރީގައި ވެސް ތިބެދާނެ!”
މާއިޝާ ކިޔާވަރުން ޖަމީލާގެ ނަންބަރަށް ޝާދިޔާ ގުޅިއެވެ. ދެ ފަހަރަށް ގުޅުމުން ވެސް ޖަމީލާ ފޯނެއް ނުނެގިއެވެ. އެހެންނަމަވެސް ހަމަ ކުޑައިރުކޮޅެއްގެ ތެރޭގައި ޖަމީލާ ގުޅައިފިއެވެ.
“ސަލީމާ ނައިސްގެން މާއިޝާ ނުކާން އިނީމަ މި ގުޅާލީ.”
“އިރުކޮޅަކުން މި ދަނީ. މިހާރު ވަރަށް ކައިރީގަ މި ތިބީ. ބުނޭ މައިއަށް ވަރަށް މީރު އެއްޗެއް ހިފައިގެންނޭ މި ދަނީ.”
ގިނަ އިރެއް ނުވެ ޖަމީލާގެ ދެ މައިން އައިސް ވަދެއްޖެއެވެ. އޭރު އެ ދެ މައިންގެ މޫނުމަތީން ފެންނާން ހުރީ އުފާވެރިކަމެވެ. ސަލީމާ އައިސް މާއިޝާގެ ކުރިމަތީގައި އޭނާ ގެނައި ޕާރުސަލް ބެހެއްޓިއެވެ. ޝާދިޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާ ހީކުރީ މިއަދު ގޭތެރޭގައި ހަނގުރާމައެއް ފެށޭނޭ ކަމަށެވެ. އެހެންނަމަވެސް ފެނުނީ އެއަށްވުރެ މާ އެކުވެރި އުފާވެރި މަންޒަރެކެވެ.
ސަލީމާ އައީ ވަރަށް ރަނގަޅަށް ކައިގެންނެވެ. އެހެންނަމަވެސް މާއިޝާގެ ކުރިމަތީގައި ކޭކަމަކަށް އޭނާ ނުހަދައެވެ. މާއިޝާއާ އެކު ކާން ފެށިއެވެ. ބޭނުމަކީ އެކުވެރިކަން ބަދަހިކުރުމެވެ.
ޣަފޫރުގެ ވިޔަފާރި އާ ހަރުފަތަކަށް ގެންދިޔުމަށް އޭނާ ކުރަމުން އައި މަސައްކަތަށް އަމަލީ ސިފަ ގެންނާން ފަށައިފިއެވެ. މަޖީދީ މަގުން ތަނެއް ކުއްޔަށް ނަގައިގެން ފިހާރަ ހެދުމުގެ މަސައްކަތް ފަށައިފިއެވެ. އޭނާ ބޭނުންވަނީ ކާބޯތަކެތީގެ ވިޔަފާރީގެ ތެރެއަށް، އަންނައުނުގެ ވިޔަފާރި ވެސް އިތުރުކުރާށެވެ. މާހިރާ ދުނިޔޭގައި، މާހިރާގެ ގާތުގައި ވެސް އޭނާ އައީ އެ ވާހަކަ ދައްކަމުންނެވެ. އެހެންނަމަވެސް އެ ދުވަސް ނުފެނި މާހިރާ ދުނިޔެ ދޫކުރީއެވެ.
މާއިޝާ ދެކެ ސަލީމާ ވާ ލޯބި ކުރިއާ އަޅައިބަލާއިރު މިހާރު އެތައް ގުނައަކަށް އިތުރުވެއްޖެހެން ހީވެއެވެ. އިސްކޫލުން އައިސް ގޭގައި ހޭދަކުރާ ގިނަ ވަގުތު، ސަލީމާ އުޅެނީ މާއިޝާއާ އެކުގައެވެ. މާއިޝާ ކިޔަވަން އިންނަ ވަގުތުތަކުގައި އޭނާ ވެސް ފޮތެއް ހިފައިގެން އެ ކޮޓަރިއަށް އާދެއެވެ. އެހެންނަމަވެސް ކިޔަވާކަށް ސަލީމާ މަސައްކަތެއް ނުކުރެއެވެ. އެންމެ ފަހަރަކު ވެސް ފޮތަކުން ފޮޅުވަތެއްހައި މިންވަރު ވެސް ކިޔައި ނުލައެވެ. އިންނާނީ ބޮޑު ވާހަކައިގައެވެ. އޭނާ ބެލި ކޮންމެވެސް ފިލްމެއް، ސީރީޒެއް، ނޫނީ ކާޓޫނެއްގައި ވާގޮތް ކިޔައިދޭށެވެ. ނޫނީ ކޮންމެވެސް ދުވަހަކު ދިމާވި ކަމެކޭ ކިޔައިގެން ވާހަކަ ދައްކާށެވެ. މާއިޝާއަށް އިނދެވެނީ އޭނާގެ އެ ވާހަކަތަކުގައި ޖެހިފައެވެ.
ފާއިތުވަމުން ދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އިސްކޫލުން އައިސް ކައިގެން މާއިޝާ އަވަސްވެގަތީ ކިޔެވުމުގެ މަސައްކަތް ފަށާށެވެ. މިއަދު އޭނާ ނިންމާންޖެހޭ ވަރަށް ގިނަ ފިލާވަޅު އެބަ ހުއްޓެވެ. ދަސްކުރާންޖެހޭ ފިލާވަޅު މަދެއް ނޫނެވެ. އިމްތިހާނު ވެސް ވަރަށް ކައިރިވެއްޖެއެވެ.
މާއިޝާއަށް މަސައްކަތް ފެށޭވަރުވީ ހަމަ ކިރިޔާއެވެ. ސަލީމާ ފޮތެއް ހިފައިގެން އައިސް ވަދެއްޖެއެވެ.
“އެނގޭތަ މިއަދު ވީ ކަމެއް؟” ސަލީމާ އައި ގޮތަށް އައިސް، ހިނިއައިސްފައި އިނދެ ވާހަކަ ފެށިއެވެ. މައިޝާއަށް ޖެހުނީ މަސައްކަތް ހުއްޓާލައިފައި ސަލީމާގެ ވާހަކަ އަޑުއަހާށެވެ.
“ކިހިނެއްވީ؟”
ސަލީމާ ފެށީ މިއަދު އިސްކޫލުގައި ދިމާވި ކަމެއްގެ ވާހަކައެކެވެ. ފަސްވަރަކަށް މިނެޓް ވީ އިރު ވެސް ވާހަކައެއް ނުނިމުނެވެ. ފޯރި ވަނީ ހައްތާ ގަދައެވެ. އެހެންނަމަވެސް މިއަދު އެ ވާހަކަ އަޑުއަހާން ވަގުތު ބޭކާރުކޮށްލާކަށް މާއިޝާ ބޭނުމެއް ނުވެއެވެ. ކާން އިން ގަޑީގައި ޝާދިޔާ ދައްތަ ވެސް މިއަދު އެ ވާހަކަ މާއިޝާއާ ދައްކައިފިއެވެ. އިމްތިހާނު ކައިރިވަމުން އަންނައިރު، ކިޔަވަން ހޭދަކުރާ ވަގުތު އިތުރުކުރާން ނަސޭހަތްދިނެވެ.
“ދެން ހިނގާ ހޯމްވޯކް ނިންމަން.” ސަލީމާގެ ވާހަކަ ނުނިމުމުން އެންމެފަހުން މާއިޝާއަށް ބުނެވުނެވެ.
“މަޑުކޮށްބަލަ! ހޯމްވޯކް ނިންމިދާނެއެއްނު، މި ވާހަކަ އަޑުއަހާފަ ފަހުން ވެސް.” ސަލީމާ ވާހަކަ ނިންމައިލާކަށް ނޫޅެއެވެ. ހަދަހަދައިގެން ވާހަކަ ދިގުކުރަމުން ގެންދިޔައެވެ. މާއިޝާގެ ޅަ ސިކުނޑިއަކަށް މި ވާގޮތެއް ނުވިސްނެއެވެ. ސަލީމާގެ މަޤުސަދެއް ނޭނގެއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ސަލީމާގެ ގާތްކަމެވެ. އެކުވެރިކަމުގެ ބޮޑުކަމެވެ.
“އާނ! އިރާދަކުރެއްވިއްޔާ އެ ދެ ކުދިން ވަރަށް އެކުވެރިކޮށް އުޅެނީ.” ޣަފޫރާއި ޖަމީލާ ނިދަން ތިބެފައި ޣަފޫރު ކުރި ސުވާލަކަށް ޖަމީލާ ޖަވާބުދިނެވެ. “މިހާރު އަދި ކުރިއަށްވުރެ ވެސް މާ ގާތްކޮށް އުޅެނީ.”
“ކުރިއާ ޚިލާފަށް ސަލީމާ ވެސް މިހާރު ކިޔަވަން އުޅޭތަން ވަރަށް ގިނައިން ފެނޭ. ކުރީ ދުވަހު ވެސް އަހަރެން އައި އިރު މާއިޝާގެ ކޮޓަރީގައި އިން ފޮތެއް ހިފައިގެން.” ސަލީމާގެ އުޅުމާ މެދު ޣަފޫރު މިހާރު ހިތްހަމަޖެހެއެވެ.
“ޣަފޫރު!” ޖަމީލާ މަޑުމަޑުން ގޮވައިލިއެވެ. “ވަރަށް ބޮޑު ވާހަކައެއް އެބަ އޮތް ދައްކާލަންވެފަ.” ޣަފޫރުގެ މޫނަށް ޖަމީލާ ބަލައިލީ ވަރަށް ލޯބިން ބަލައިލާ ކަހަލަ ގޮތަކަށެވެ.
“ކޮން ވާހަކައެއް؟ އަވަހަށް ބުނޭ!” ޣަފޫރު ހިނިތުންވެލިއެވެ.
“މި ދުވަސްކޮޅު ޣަފޫރު ތި އުޅެނީ ވަރަށް ބުރަކޮށްކަން ވެސް އެނގޭ. އެކަމަކު މި ވާހަކަ…”
“ކިތަންމެ ބުރަކޮށް އުޅުނަސް، ޖަމީލާއަށާއި އާއިލާއަށް ބޭނުންވާ ކަންކަމަށް ފަރުވާކުޑައެއް ނުކުރާނަމޭ. ކިހިނެއްވީ؟”
“އަހަރެން….” ބުނަން ނުކެރިގެން ހުއްޓައިލާ ކަހަލަ ގޮތަކަށް ޖަމީލާ ޖުމުލަ މެދުކަނޑައިލިއެވެ.
“ބުނެބަލަ!”
“އަހަރެން ބޭނުން ދަރިއަކު.”
“ދަރިއެކޭ؟” ހީވެސް ނުކުރާ ކަހަލަ ވާހަކައެއް ބުނުމުން ޣަފޫރަށް ސުވާލުގެ ނަޒަރަކުން ބަލައިލެވުނެވެ. “މި އުމުރަށް ދިޔައިމަ ކީއްކުރާ ދަރިއެއް؟”
“ކުޑަ ކުއްޖަކު ގެންގުޅޭހިތް މާ ބޮޑަށް ވަނީ.” ޖަމީލާ އޮތީ ޣަފޫރުގެ ބޮލުގެ އިސްތަށިކޮޅާ ކުޅެލަކުޅެލައެވެ.
“އަހަރެމެން ކޮންމެ މީހެއްގެ ވެސް ދަރިއަކު އެބަ އިން. ދެން އިތުރު ދަރިއަކު ހޯދާކަށް މަށެއް ނުވިސްނަން. އެހެން ނޫނަސް…”
“އަހަރެމެން ދެ މީހުންގެ ދަރިއަކު ވެސް ހުންނަންވާނެއެއްނު!”
“މަޖުބޫރުތަ؟”
“ނޫން! އެކަމަކު އޭރުން ދޯ ދިރިއުޅުމަކަށްވާނީ.”
“މިހާރު ވެސް މީ ދިރިއުޅުމެކޭ!” ޣަފޫރު ހިނިތުންވެލިއެވެ.
“ދިރިއުޅުން ފުރިހަމަވާނީ ކުއްޖަކު ވެސް ލިބިގެން.”
“ތަންކޮޅެއް ކުރިން އެއް ދުވަހަކު ޖަމީލާ ބުނި ހަނދާންވޭ ތިމަންނައަކަށް ދަރިއަކު ނުލިބޭނެއޭ ވެސް. ނޫންތަ؟”
“އެހެންވެއޭ އެ ވާހަކަ މި ދައްކަނީ ވެސް.”
“ދެން…؟”
“ހިނގާ ޑޮކްޓަރަށް ދައްކަން! ބޭސްކޮށްލީމަ ފަހަރެއްގައި…”
“ތި ކަމާ އަހަރެން ވިސްނާނަން! މި ރޭ ދެން ނިދަން އުޅެމާ ހިނގާ!” ކޮޓަރީގެ ބޮކި އަލި ފަނޑުކޮށްލަމުން ޣަފޫރު ބުންޏެވެ.
މާއިޝާމެންގެ އިމްތިހާނު ފެށެން ހަފުތާއަކަށް ވެއްޖެއެވެ. އެ ދުވަހު މާއިޝާއާއި ސަލީމާ ގެނެސް، ގާތުގައި ބައިތިއްބައިގެން ޣަފޫރު ނަސޭޙަތްދިނެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ބާރުއަޅައި ވާހަކަ ދެއްކިއެވެ. މި ފަހަރުގެ އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދާ ކުއްޖަކަށް ވަރަށް ރަނގަޅު އިނާމެއް ދޭނޭ ވާހަކަ ވެސް ޣަފޫރު ބުންޏެވެ. އެ ވާހަކަ ބުނުމުން މާއިޝާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފާޅުވިއެވެ.
“ކޯޗެއް ދޭނީ ބައްޕާ؟” އަވަސްއަވަހަށް މާއިޝާއަށް އަހައިލެވުނެވެ.
“އެއީ ސިއްރެއް!” ޣަފޫރު ހިނިތުންވެލަމުން މާއިޝާގެ ގައިގައި ބައްދައިލިއެވެ.
“އެ ހަދިޔާ ހޯދަން ދަރިފުޅު ވެސް މަސައްކަތް ކޮށްބަލަ!” އެ ދުވަހު ސަލީމާ ކޮޓަރީގައި އޮއްވާ ޖަމީލާ ވަދެ، ސަލީމާގެ ފައި މަތީގައި އަތް ބާއްވާލަމުން ބުންޏެވެ.
“އެއީ މާއިޝާއަށް ހަދިޔާ ދޭހިތުން ޣަފޫރުބެ ބުނި އެއްޗެއްނު!” ސަލީމާ ތުންފިއްތައިލިއެވެ. “މާ ކުރިން ވެސް އެނގޭ އެއީ މާއިޝާއަށް ލިބޭނެ އެއްޗެއްކަން.”
“މަންމަ ވެސް ވަރަށް ހިތްހަމަ ނުޖެހުނު ދަރިފުޅު ގެންގޮސް ބައިންދައިގެން އެ ވާހަކަ ދެއްކީމަ.” ޖަމީލާ އެރީ ސަލީމާގެ ފަޅިއަށެވެ. “ހީވީ ޣަފޫރުބެ ދަރިފުޅަށް ކުރި މަލާމާތެއްހެން ވިއްޔަ.”
“އެއީ ހަމަ ކުރި މަލާމާތެކޭ!” ޖަމީލާގެ ވާހަކަ ހުރި ގޮތުން ސަލީމާއަށް އިތުރު ހިތްވަރެއް ލިބުނެވެ.
“އެކަމަކު ދަރިފުޅު ކިތަންމެ ހިތްހަމަނުޖެހުނަސް މޫނުމަތިން އެ ކަން ނުދައްކާ ވޭތޯ ބަލައްޗޭ! އެ އުޅޭ ޝާދިޔާއަށް ކިތަންމެ ކުޑަކުޑަ ކަމެއް ފެނުނަސް ޣަފޫރުބޭ ގާތު ކުޓުވާނެހެން މަންމައަށް ހީވަނީ.”
“މާއިޝާ ދެކެ ޣަފޫރުބެ އެހައި ލޯބިވަނީ ކީއްވެތަ؟” އިރުކޮޅަކު އެއްޗެއް ނުބުނެ އޮވެފައި ސަލީމާ އަހައިލިއެވެ.
“މަންމަ ވެސް ދަރިފުޅު ދެކެ ލޯބިވަމެއްނު! އެއީ ޣަފޫރުބޭގެ ވެސް އިން ހަމަ އެކަނި ދަރިއަކީ!”
“އެހެންވެގެންތަ އެހައި ބޮޑަށް ލޯބިވަނީ؟”
“އާނ!”
“ދެން އެހެން ކުއްޖަކު މަންމަ ވިހަންވީނު!”
“ދަރިފުޅަށް ހީވޭތަ އެ ކަމާ މަންމަ ނޫޅެ ހުންނާނެހެން؟” ސަލީމާގެ މޫނަށް ފަރުވާތެރިކަމާ އެކު ބަލައިލަމުން ޖަމީލާ ހިނިތުންވެލިއެވެ. “ޣަފޫރުބެ ގާތުގައި މިހާރު މަންމަ އެ ވާހަކަ ދައްކައިފިން.”
“ކީކޭ ޣަފޫރުބެ ބުނީ؟”
“ވިސްނާނަމޭ ބުނީ.”
“މަންމަ އަދި ވެސް އެ ވާހަކަ ދައްކާތި! މަންމަ ކުއްޖަކު ވިހައިފިއްޔާ މާއިޝާ ބާކީކޮށްލެވޭނެ!”
“އެހެންވެ އެ ވާހަކަ ދެއްކީ ވެސް.”
“ދެން މާ ލަސްނުކުރައްޗޭ މަންމާ!”
“މައްސަލައަކީ ފުރަތަމަ މަންމަ ޖެހޭނީ ބޭސްކުރަން. ޑޮކްޓަރަށް ދައްކަން. ބޭސް ނުކޮށް މަންމައަކަށް ކުއްޖަކު ނުލިބޭނެ.”
“ދެން އަވަހަށް ޑޮކްޓަރަށް ދައްކަންވީނު!” ސަލީމާ ބޭނުންވަނީ މިހާރުން މިހާރަށް ޖަމީލާ ކުއްޖަކު ވިހާށެވެ.
“މަންމަ ވަރަށް މަސައްކަތްކުރާނަން ޣަފޫރުބެއާ ވާހަކަ ދައްކައިގެން އެ ކަންވޭތޯ.”
“ޣަފޫރުބޭގެ ބޮލަށް އެރެލުން މަންމައަކަށް މާ ބޮޑު ކަމަކަށް ނުވާނެހެން މަށަށް ހީވަނީ.”
“ތީ ދަރިފުޅަށް ހަމަ ހީވާގޮތް!”
ކިޔެވުމަށް ޓަކައި މާއިޝާ ކުރާ މަސައްކަތް އެއް ދުވަހުން އަނެއް ދުވަހަށް އައީ އިތުރުކުރަމުންނެވެ. ޝާދިޔާ ވަރަށް ބޮޑަށް މާއިޝާއަށް ހިތްވަރު ދެމުން ގެންދިޔައެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ބާރުއަޅަމުން ގެންދިޔައެވެ. ބައްޕަގެ ނަސޭހަތާއި ޝާދިޔާދައްތަގެ ހިތްވަރާ އެކު މާއިޝާ އައީ އިމްތިހާނަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.
އިމްތިހާނު ފެށިއްޖެއެވެ. މާއްދާއަކަށްފަހު މާއްދާއެއް ނިމެމުން އިމްތިހާނުގެ ބާރުގަނޑު ކުޑަވަމުން، ލުއިވަމުން އާދެއެވެ. އިމްތިހާނު ނިމޭން ދެ ދުވަހަށްވެފައި އޮއްވާ ޣަފޫރު ޑުބާއީއަށް ފުރައިފިއެވެ. އަލަށް ހުޅުވާ ފިހާރައަށް މުދާ ބަލައެވެ. ޣަފޫރު ފުރަން ދިޔުމުގެ ކުރިން މާއިޝާއަށް ނަސޭޙަތްދިނެވެ. މަންމިގެ ބަސް އަހައިގެން އުޅުމަށާއި އަޅުކަމަށާއި ކިޔެވުމަށް އިސްކަން ދިނުމަށް ބާރުއަޅައެވެ.
“ބައްޕަ މި ދުވަސްކޮޅު ފުރައިގެން ދާކަށް ބޭނުމެއް ނޫން! އެހެންނަމަވެސް އެހެން ގޮތެއް މި ފަހަރު ނެތީމަ މި ދަނީ.” މާއިޝާގެ ގައިގައި ބައްދާލިއިރު ޣަފޫރުގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. މާހިރާ ދުނިޔެ ދޫކުރި ފަހުން ޣަފޫރު އަދި މާލޭން ބޭރަކަށް ނުދެއެވެ. އެހެންކަމުން މި ދަތުރުގައި އޭނާ ފުރައިގެން ދިޔައީ، ހިތަށް ވަރަށް ބޮޑަށް ތަދުވެގެން ހުރެއެވެ.
އެ ދަތުރުގައި ޣަފޫރާ އެކު ޑުބާއީއަށް ދާން ޖަމީލާ ވަރަށް މަސައްކަތްކުރިއެވެ. ޑޮކްޓަރަށް ދެއްކުމަށެވެ. އެހެންނަމަވެސް ޣަފޫރު އެކަމަކާ އެއް ބަހެއް ނުވިއެވެ. ދެ ކުދީން އިމްތިހާނު ހަދަމުންދަނިކޮށް، ފުރައިގެން ދިޔުން ރަނގަޅު ކަމަކަށް ނުވާނޭ ކަމަށް ބުނެއެވެ. އެންމެ ފަހުން ގޮތް ދޫކޮށް، ހަތިޔާރު ބެހެއްޓީ ޖަމީލާއެވެ. ބަސްނާހައި، ގޮތް ދޫނުކުރާ އަނތްބެއްގެ ނަން އެޅެން ބޭނުންނުވާތީއެވެ.
“ތި ދަތުރު ނިންމާފައި އައިސް ޖެހޭނެ އަހަރެން ގޮވައިގެން ރާއްޖޭން ބޭރަށްދާން!” ފޮށި ހިފައިގެން ޣަފޫރު ހިނގައިގަތުމުން ޖަމީލާ އައިސް ޣަފޫރުގެ ގައިގައި ލޯބިން ބައްދާލިއެވެ.
“އެޔޯ؟”
“ޑޮކްޓަރަށް ދައްކަން.”
“ހާދަ ވަރަކަށް ވިހާހިތްވެގެން ތި އުޅެނީ.” ޣަފޫރު ހިނިތުންވެލިއެވެ
“ދެން ބުނެބަލަ އާނއެކޭ!”
“އިރާދަކުރެއްވިއްޔާ!” ހިނިތުންވެލަމުން ޣަފޫރު ވެސް އެއްބަސްވިއެވެ. “މާއިޝާ ރަނގަޅަށް ބަލާތި! އޭނާގެ އެއްވެސް ކަމެއްގައި ފަރުވާކުޑަނުކުރާތި!”
ޣަފޫރުގެ މި ޖުމުލައާ އެކު ޖަމީލާގެ ހިތުގައި ފޫހިކަމުގެ އޮއިވަރެއް ހިނގައިގަތެވެ. އެހެންނަމަވެސް މޫނުމައްޗަކުން އެ ކަމެއް ނުދައްކައެވެ. އޭނާ ހިތްހެޔޮކަމާ އެކު ޣަފޫރަށް ޔަގީންކަން ދިނެވެ. މާއިޝާ ރަނގަޅަށް ބަލާނޭކަމުގެ ޔަޤީންކަމެވެ.
ޣަފޫރު ފުރައިފިއެވެ. މާއިޝާއާއި ސަލީމާގެ އިމްތިހާނު ވެސް ނިމިއްޖެއެވެ. މިއަދަކީ އިމްތިހާނުގެ ނަތީޖާ ލިބޭ ދުވަހެވެ. އެ ދުވަހު ޝާދިޔާއާ އެކު އިސްކޫލަށް ދިޔައިރު ވެސް މާއިޝާގެ ހިތް ތެޅެއެވެ. އޭނާގެ ކެތްތެރިކަން ވަނީ ކުޑަވެފައެވެ. ނަތީޖާ ރަނގަޅުވާނޭކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އޮތެވެ.
ހަމަ އެދުވަހެވެ. ދިހަގަޑިބައި އެހައިކަންހައި އިރެވެ. ޖަމީލާ އިނީ އާދައިގެ މަތިން ފަހާފޮށި ދޮށުގައެވެ. ހެދުމެއް ފަހާށެވެ. ޣަފޫރު ފުރިފަހުން ގިނަ ވަގުތު އޭނާ ކުރާ ކަމަކީ ފެހުމެވެ. މިހާރު އެ ފަހަކީ ހަތްވަނަ ހެދުމެވެ. އޭގެ ކުރިން ވެސް ހަފުތާއަކުން ދެ ހަފުތާއިން ކަހަލަ ގޮތަކަށް އޭނާ އާ ހެދުމެއް ފަހައެވެ. އެ ގެއަށް އައިއިރު އޭނާ ލައި އުޅުނު އެންމެ ހެދުމެއް ވެސް މިހާރު އޭނާގެ އަތުގައި ނެތެވެ.
އިރުކޮޅަކުން ފެނުނީ ސަލީމާ އެކަނިމާއެކަނި އައިސް ގެއަށް ވަންތަނެވެ. އޭނާ އައިސް ވަނުމާ އެކު ޖަމީލާއަށް ބަލައިލެވުނެވެ. އެ މޫނުމައްޗަކު އުފާވެރިކަމެއް ނެތެވެ. އެހެނަސް ކަންބޮޑުވުމެއް ވެސް ނެތެވެ. އޭނާ އައިގޮތަށް އައިސް، އަތުގައި އޮތް ރިޕޯޓްފޮތް މޭޒުމައްޗަށް އެއްލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
“ދަރިފުޅާ!” ޖަމީލާ ގޮވައިލިއެވެ. ސަލީމާ އަނގައަކުން ނުބުނެއެވެ. އެ ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަނގައިން ވެސް ނުބުނެއެވެ. ބަލައި ވެސް ނުލައެވެ. ހީވަނީ ކަމަކާ ވަރަށް ބޮޑަށް ނުރުހިފައި ހުރިހެންނެވެ.
“ކޮބާ ޝާދިޔާއާއި މާއިޝާ؟” ޖަމީލާގެ ސުވާލަށް ސަލީމާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ދޮރު ލައްޕާ ތަޅުލައިފިއެވެ.
ޖަމީލާ ތެދުވެގެން ގޮސް، ސަލީމާގެ ރިޕޯޓު ފޮތް ނެގިއެވެ. ހުޅުވައި ބަލައިލިއެވެ. ވީ ގޮތް އޭނާއަށް ކިޔައިދިނީ ރިޕޯޓް ފޮތުގެ ނަންބަރުތަކެވެ. އެއްވެސް މާއްދާއަކުން މި ފަހަރު ވެސް ފާހެއް ނުވެއެވެ. “އީ” އަށްވުރެ މަތިން މާކުސް ލިބިފައިވާ މާއްދާއެއް ނެތެވެ. ރިޕޯޓު ފޮތް ލައްޕާލުމަށްފަހު ހުއްޓުން އަރާފައި ހުރި ކަހަލަ ގޮތަކަށް އިރުކޮޅަކު ޖަމީލާއަށް ހުރެވުނެވެ.
ރިޕޯޓް ފޮތް އޮތް ތަނުގައި ބޭއްވާފައި ޖަމީލާ ހިނގައިގަތެވެ. ފަހާފޮއްޓާ ދިމާއަށެވެ. ގޮނޑީގައި އިށީނދެ، ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ހައްޓަށާއި ނަފުސަށް ހަމަޖެހުމެއް ހޯދިއެވެ. ޖަމީލާ ނިންމީ އެއްވެސް ކަމެއް އެނގޭކަމަށް ނުހެދުމަށެވެ.
އިރުކޮޅަކުން ސަލީމާ ނުކުމެއްޖެއެވެ. ޔުނީފޯމް ބަދަލުކޮށްގެންނެވެ. އޭރު ވެސް އޭނާގެ މޫނުމަތީގައި ހުރީ ހިތްހަމަނުޖެހުމުގެ އަސަރެވެ. އޭނާ އެ އައި ގޮތަށް އައިސް ޖަމީލާގެ ގާތުގައި ހުރި ސަރަންފީގައި ޖައްސާލިއެވެ. ސަރަންފީއަށް ދެ ފައި އަރުވައި، ލެނގިލައި ދެ ލޯ މަރައިލިއެވެ.
“ކޮބާތަ ޝާދިޔާއާއި މާއިޝާ؟” ފަހަން އިނދެފައި ސަލީމާއާ ދިމާއަށް ބަލައިލަމުން ޖަމީލާ އަހައިލިއެވެ.
“ނޭނގެ މަށަކަށް!”
“އެކަނިތަ މިއަދު ތި އައީ؟”
“އާނ! އެ މާއިޝާގަނޑު ތުއިވާތަން ބަލަން މަށަށް ހުރެވޭތަ؟”
“ކީކޭތަ ތި ކިޔަނީ؟ ކޮންކަމަކާތަ މާ ރުޅިއެއް އައިސްގެން ތި އުޅެނީ؟”
“މާއިޝާއަށް ކުލާހުން އެއްވަނަ ލިބުނީމަ އޭނަ އުޅޭވައްތަރު ބަލަން މަށަށް އެތާ ހުރެވޭތަ؟”
“ޝާދިޔާގާތު ބުނެފަތަ ތި އައީ؟”
“ނުބުނަން! ކީއްކުރަން ބުނަންވީ؟”
“ދެން ދަރިފުޅަށް ލިބުނީ ކިތައް ވަނަ؟” އެއްޗެއް އެނގޭ ކަމަކަށް ޖަމީލާ ނަހަދައެވެ.
“ވަނަ ލިބޭތަ؟ ޓީޗަރުން ލޯބިވާ މީހުންނަކަށްނު ވަނަ ދޭނީ. އެންމެ މާއްދާއަކުން ވެސް އަހަރެން ފާސް ވެސް ކޮށްނުދިން.”
“ފާސް ވެސް ކޮށްނުދިނޭ؟ ކީއްވެ އެހެންވާންވީ؟ ގައިމު މި ފަހަރު ޓެސްޓް ކައިރިވިއިރު، ދަރިފުޅު ނުލާހިކު ރަނގަޅަށް ކިޔެވީމެއްނު!” ޖަމީލާއަށް ހީކުރެވިފައި އޮތީ، ފޮތް ހިފައިގެން ގޮސް، މާއިޝާގެ ކިޔެވުމަށް ހުރަސްއަޅަން ސަލީމާ ހޭދަކުރި ވަގުތުތަކަކީ، ކިޔަވަން އޭނާ ހޭދަކުރި ވަގުތުތައް ކަމަކަށެވެ.
“އެހެންވީމައޭ މި ބުނީ ޓީޗަރުން ވެސް އެ މީހުން ބޭނުންވާ ކުދިންނަށޭ މަތިން މާކުސް ދެނީ. އެ މީހުން ބޭނުންވާ މީހަކު ފާސްކޮށްދޭނީ.” ސަލީމާގެ ރުޅި އިތުރަށް ގަދަވަމުން ދިޔައެވެ. “އަހަރެން ނޫޅެން ދެން ކިޔަވާކަށް.”
“ނޫނޭ! އެހެން ހަދައިގެން ނުވާނެ!” އަވަސް އަވަހަށް ޖަމީލާ ބުންޏެވެ.
“ދެން ނުދާނަން ސްކޫލަކަށް!” ސަލީމާ ކުރިއަށްވުރެ ވެސް ހަރުކަށިކޮށް ބުންޏެވެ.
“އެކަމަކު އޭރުން ޣަފޫރުބޭ ކީކޭ ބުނާނީ؟”
“އޭނައަކަށް ނުޖެހޭނެ މަގޭ ކަންކަމަށް އެއްޗެހި ބުނާކަށް. އޭނަގެ ދަރިއަކީ މާއިޝާއެއްނު!”
“ދަރިފުޅާ! ދެން ތި ރުޅި މަޑުކޮށްބަލަ! ތި ގޮތަށް މަންމައާ ވާހަކަދައްކާކަށް ނުވާނެއެއްނު!”
“ކީއްވެތަ އަބަދު އޭނައަށް މަތިން މާކުސް ލިބެންވީ؟”
“ދަރިފުޅާ! ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ!”
“އަހަރެން ބޭނުންވަނީ މާއިޝާގެ ކިޔެވުން ހަލާކުކޮށްލަން. މަށަށް ނުކިޔެވޭއިރު އޭނާއަށް ވެސް ކިޔެވިގެން ނުވާނެ!”
“ދެން ތި ވާހަކަ މި ވަގުތު ބާއްވާ! މަންމަ ތި ކަމާ ވިސްނާނަން!”
ޖަމީލާއަށް ފޯނެއް އައީ އެ ވަގުތުއެވެ. ޖަމީލާ ފޯނަށް ބަލައިލިއެވެ. ގުޅަނީ ޝާދިޔާއެވެ. ޖަމީލާ ފޯނު ނެގިއެވެ.
“ސަލީމާ ނުފެނިގެން މި އުޅެނީ. ދިޔަ ތަނެއް ވެސް ނޭނގެ!” ޝާދިޔާގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.
“ޝާދިޔާ އެއް ފަހަރު ވެސް ސަލީމާ ކޮބައިތޯ ބަލައިލިންތަ؟ ދެ ކުދިންނާ ހަވާލުވެގެން ގޮއްސަ އެއް ކުއްޖެއްގެ ފަހަތުން އެނބުރުކަސް ކަމަކުނުދާނެ ދޯ!” ޖަމީލާ ބޭނުންވީ ލިބުނު ފުރުސަތުގައި ޝާދިޔާ ކުށްވެރިކުރާށެވެ.
“އޭނަ ގާތުގައި ކުލާހުން ބޭރަށް ނުދައްޗޭ ބުނެފަ މަ ދިޔައީ.”
“ތީ އެއްވެސް ވާހަކައެއް ނޫން! ތި ދެ މީހުން ނުފެނިގެން އޭނާ އެކަނި ގެއަށް އައިސް މި އޮތީ.” ޖަމީލާ ފޯނު ކަނޑައިލިއެވެ.
ޝާދިޔާއާ ދިމާއަށް އެއްޗެއް ބުނާން ޖަމީލާ ހުންނަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެހެންނަމަވެސް ޝާދިޔާ އެއަށްވުރެ މާ ހުޝިޔާރެވެ. އެއްޗެއް ބުނާނެ ފުރުސަތެއް ނުދެއެވެ. ކަންކަން ކުރަނީ އެއަށްވުރެ މާ ފުރިހަމައަށެވެ. އެހެންކަމުން ފުރުސަތެއް ލިބުނު ދުވަހު ޖަމީލާ ބޭނުންވީ އެ ކަން ބޮޑުކޮށްލާށެވެ.
“ދަރިފުޅު ދެންދޭ އަވަހަށް ސައިބޯން.” ފޯނު ބައްވާފައި އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި، ސަލީމާއާ ދިމާއަށް ބަލައިލަމުން ޖަމީލާ ބުންޏެވެ. އެހެންނަމަވެސް އެ އަޑު އިވޭކަމަށް ސަލީމާ ނުހަދައެވެ.
އިރުކޮޅަކުން ފެނުނީ މާއިޝާ ވަދެގެން އަންނަތަނެވެ. ޖަމީލާއާއި ސަލީމާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. މާއިޝާގެ އަތުގައި އޭނާގެ ރިޕޯޓް ފޮތް އޮތެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރީ އުފާވެރިކަމެވެ. ތުންފަތްމަތީގައި ދުވަމުން ދިޔައީ ލުއިލުއި ހިނިތުންވުމެއްގެ ވިދުވަރެވެ. ގޭތެރެއަށް މި ވަގުތު ވެރިވެފައިވާ އުދާސްކަމުގެ އަސަރެއް އޭނާއަކަށް އިހުސާސެއް ނުވެއެވެ. ޝާދިޔާ ގުޅުމުން، ޖަމީލާ ނުރުހިފައި ވާހަކަ ދެއްކިކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެ ކަހަލަ ވާހަކަ މާއިޝާ ގާތުގައި ޝާދިޔާ ދައްކައެއް ނޫޅެއެވެ.
މާއިޝާގެ ފަހަތުން ޝާދިޔާ ވެސް ވަދެގެން އަންނަތަން ފެނުނެވެ. އެހެންނަމަވެސް ޝާދިޔާގެ މިސްރާބު ހުރީ ޖަމީލާއާ ދިމާއަކަށް ނޫނެވެ. އޭނާ އެ ދިޔަ ގޮތަށް ދިޔައީ ބަދިގެ ފަރާތަށެވެ، ފަހަރެއްގައި ޖަމީލާ އޭރު ވާހަކަ ދެއްކި ގޮތުން، މަޑުކުރާން ބޭނުންނުވީ ކަމަށް ވެދާނެއެވެ.
“ސަލީމާދައްތަ ނުފެނިގެން މައިމެން ހާދަ ވަރަކަށް ހޯދީމޭ! ކޮން އިރަކު އައީ؟” މާއިޝާ ފުރަތަމަ ވާހަކަ ދެއްކީ ސަލީމާއާއެވެ. ސަލީމާ އަޅައިވެސް ނުލައި، އެ އޮތް ގޮތަށް ލޯ މަރައިގެން އޮތެވެ. “ނިދަނީތަ؟” ސަލީމާގެ ބޮލުފައި މާއިޝާ ފިރުމައިލިއެވެ.
“މަންމާ!” އުފާވެރި ހިނިތުންވުމަކާ އެކު ޖަމީލާގެ މޫނަށް މާއިޝާ ބަލައިލިއެވެ. “އަހަންނަށް ހުރިހާ އެއްޗަކުން އޭ ލިބުނީ. ކުލާހުން އެއްވަނަ ވެސް ލިބުނީ އަހަންނަށް.” ފަހާފޮށި ކައިރީ، މޭޒުމަތީގައި ރިޕޯޓް ފޮތް ބޭއްވިއިރު، މާއިޝާގެ ދެ ލޮލުން އުފާވެރިކަން ވިދަވިދާ ހުއްޓެވެ.
މާއިޝާގެ ވާހަކަ އިވޭކަމަށް ވެސް ޖަމީލާ ނުހެދިއެވެ. ކުޑަމިނުން ބަލައި ވެސް ނުލިއެވެ. ފަހަން އިން ހެދުން ފެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީއެވެ، ސަލީމާ ވެސް ލޯ ހުޅުވައިލުމަށްފަހު، ފާޑަކަށް ތުންއަނބުރާލައިފައި އަނެއްކާ ވެސް ލޯ މަރައިލިއެވެ.
އެހައި ރަނގަޅު ނަތީޖާއަކައިގެން ގެއަށް އައުމުން، މަންމަގެ ފަރާތުން ތައުރީފުގެ އެންމެ ބަހެއް ވެސް ނުލިބުނީތީ، މާއިޝާ ހުރީދެރަވެފައެވެ. އެހެނަސް މޫނުމައްޗަކުން އެކަމެއް އޭނާ ނުދައްކައެވެ. އޭނާގެ ކުރިމައްޗަށް ވެއްޓިފައިވާ މާޒީގެ ފަރުދާ ކެހުނެވެ. ފެނުނީ މި ދިޔަ އަހަރުގެ މި ދުވަހެވެ. މި ފަދަ ނަތީޖާއެއް ހިފައިގެން އައުމުން، މަންމަ ވީ އުފަލާއި ދިން ލޯތްބާއި ކުރި ތައުރީފެވެ. އެ ފިކުރުތަކުގެ ތެރެއަށް ގެނބޭކަށް އޭނާ މި ވަގުތު ބޭނުމެއް ނުވިއެވެ. އެހެންކަމުން އަވަސް އަވަހަށް އެ ހަނދާންތައް އެއްފަރާތްކޮށްލިއެވެ.
“ސަލީމާދައްތައަށް ކޮންކަހަލަ ރިޕޯޓެއް ލިބުނީ؟” ސަލީމާގެ ގާތަށް މާއިޝާ އަނެއްކާ ވެސް ޖެހިލިއެވެ.
“ކަލޭ ބޭނުންވި ގޮތް ވެފައެއްނު އެ އޮތީ.” ލޯ ހުޅުވައިލަމުން މާއިޝާގެ މޫނަށް ސަލީމާ ބަލައިލީ ރުޅިވެރިކަމާ އެކުގައެވެ.
“ދެން ފޮނިނުވެބަލަ!” މާއިޝާ ހިނިތުންވެލަމުން، ސަލީމާގެ އަތުގައި މަޑުމަޑުން ހަލައިލިއެވެ. އޭނާއަށް ހީވީ، ސަލީމާ އެ ކުރަނީ ސަމާސާ ކަމަށެވެ.
“އަހަރެންތަ ފޮނިވެގެން މި އުޅެނީ؟ ތިމާ ވަރެއްނެތިގެން މި އުޅެނީ؟” ސަލީމާ ތެދުވެގެން ބާރުބާރަށް ހިނގައިގަތެވެ. ކޮޓަރިއާދިމާއަށެވެ.
“ސަލީމާދައްތާ!” ސަލީމާގެ ފަހަތުން މާއިޝާ ވެސް ހިނގައިގަތެވެ.
ސަލީމާގެ ފަހަތުން މާއިޝާ ވެސް ގޮސް ކޮޓަރިއަށް ވަނެވެ. ސަލީމާ ކުއްލިއަކަށް ރުޅިއައުމުން މާއިޝާއަށް ލިބިފައިވަނީ ޝޮކެކެވެ. ހިތަށް ވަނީ އަސަރުކޮށްފައެވެ. ސަލީމާ ރުޅިއަންނަ ވަރުގެ ކަމެއް އޭނާއަށް ކުރެވުނު ހަނދާނެއް ނުވެއެވެ. ސަލީމާގެ ފަހަތުން އައިސް، އެ ކޮޓަރިއަށް އޭނާ ވަނީ، ސަލީމާ ހަމައަކަށް އެޅުވޭތޯއެވެ. އެ ދެމެދުގައި ކިތަންމެ ކުޑަ ނަމަވެސް ކުންޏެއް ޖެހޭން ނޭދޭތީއެވެ.
“ކިހިނެއްވީ؟” ސަލީމާ އެނދުގައި އޮށޯތުމުން، މާއިޝާ ގޮސް މަގަތުގައި އިށީންނަމުން އަހައިލިއެވެ.
“ވީގޮތެއް ބަލާނެކަމެއް ނެތް! މި ތަނުން ދާންއުޅޭ!” ސަލީމާގެ އަޑު ބާރުވެފައި ހަރުކައްޓެވެ.
މާއިޝާ ސިހުނެވެ. ސަލީމާ އެހައި ފަސޭހައިން ރުޅި އަތުވެދާނޭ ކަމަކަށް އޭނާގެ ސިކުނޑި އަދިވެސް ޤަބޫލެއް ނުކުރެއެވެ. އެހެންވެ ސަލީމާއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އޭނާއަށް އިނދެވުނީއެވެ. ސަލީމާގެ ބޮޑުވެފައިވާ ދެ ލޮލަށެވެ. ރުޅިވެރިކަމުގެ ކުލަތައް އަރައި ފައިބަމުން ދިޔަ މޫނަށެވެ.
“ސަލީމާދައްތާ……” އިރުކޮޅަކު އެހެން އިނދެފައި މާއިޝާ މަޑުމަޑުން ގޮވާލިއެވެ. ސަލީމާގެ އަތުގައި އަތްޖައްސައިލަމުންނެވެ. “ރުޅިއައީތަ؟”
“އާނ! އަހަރެން ކަލޭދެކެ ރުޅިއާދޭ މިހާރު.” މާއިޝާގެ އަތް ފޮޅުވައިލަމުން ނަފުރަތުގެ ނަޒަރަކުން މާއިޝާގެ މޫނަށް ސަލީމާ ބަލައިލިއެވެ.
“އެއީ ކީއްވެތަ؟”
“ނުޖެހޭނެ ބުނާކަށް!”
“ޕްލީޒް! މައި ދެކެ ރުޅި ނައިސްބަލަ!” މާއިޝާގެ އަޑު ތުރުތުރުއަޅައިގަތެވެ. ދެ ލޮލުން ކަރުނަ ހިލުނެވެ. އޭނާއަށް އަނެއްކާވެސް ސަލީމާގެ އަތުގައި އަތް ޖައްސާލެވުނެވެ. ލޯތްބާ އެކު މަޑުމަޑުންނެވެ.
“ބޮޑު ކަމެއްނު!” ސަލީމާ އަތް ދަމައިގަތެވެ. “މަގޭ އަތުގައި އަތްލާނެކަމެއް ނެތް!”
“ތިގޮތަށް މައިއާ ވާހަކާ ނުދައްކާ! މައި ވަރަށް ދެރަވޭ!” މާއިޝާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ.
“މި ތަނުން ނިކުމެގެން ދެވޭތޯ ބަލާ! މަށަށް އެބަ ވަރަށް އުނދަގޫވޭ!” ސަލީމާގެ މޫނުމަތިންނާއި ދެ ލޮލުން ފެންނާން ހުރި ރުޅިވެރިކަމެއްގެ ބޮޑުކަމުން، މާއިޝާ ބިރުގެންފިއެވެ. އޭނާ އަވަސްއަވަހަށް އެ ތަނުން ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. ދެ ލޯ ފޮހެލަމުންނެވެ.
ކޮޓަރިން ނިކުމެ ދޮރުލެއްޕުމަށް ފަހު، ދޮރުކައިރީގައި އިރުކޮޅަކު މާއިޝާ މަޑުކޮށްލިއެވެ. ކުޑަކޮށް ހަމަޖެހިލުމަށެވެ. ދެ ލޯ ފޮހެލުމަށްފަހު ހިންދިރުވާލިއެވެ. ފުންފުންކޮށް ދެތިން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ހިނގައިގަތީ ޖަމީލާ ގާތަށް ދިޔުމަށެވެ.
“މަންމީ!” މާއިޝާގެ އަޑު ހުރީ ކުރަކިވެފައެވެ. “ސަލީމާދައްތަ ރުޅިއައީ ކީއްވެ؟” ޖަމީލާ ފަހާފޮށި ދޮށުގައި އިންދާ މާއިޝާ ގޮސް މަޑުމަޑުން އަހައިލިއެވެ. އޭރު އަނެއްކާވެސް މާއިޝާގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ.
“މަށަށްތަ އެނގެނީ؟ އެ މީހަކަށް އުޅެވޭގޮތަކާއި ކަންތައް ކުރެވޭގޮތް އެނގޭނީ އެ މީހަކަށްނު” ޖަމީލާ ވެސް ބަލައިލީ ނަފުރަތާއި، ރުޅިވެރިކަން އެކުލެވޭ ނަޒަރަކުންނެވެ.
“މަންމި ވެސް…ތަ؟” މާއިޝާގެ އަޑު ތުރުތުރު އަޅައިގަތެވެ.
“މާއިޝާއަށް މިހާރު ތި އުޅެވެނީ މީހުން ރުޅިނާންނަ ސިފައަކަށް ނޫނޭ! އަހަރެމެން އެއްޗެއް ނުބުނެ މި ތިބެނީ ވާނުވާ ނޭނގޭތީއެއް ނޫނޭ!” ޖަމީލާގެ ދެ ލޮލުން ރުޅިވެރިކަން އިންތިހާއަށް ފެންނާން ހުއްޓެވެ.
“މަންމީ! ތިޔަހެން ނުބުނޭ! މައި ނުކުރަން ގޯސްކަމެއް!” މާއިޝާގެ އަޑުތުރުތުރު އަޅަމުން ދިޔައެވެ.
“މައިޝާއަށް ސާބަސް އެހެން ވިއްޔާ! ކުރެވޭ ނުކުރެވޭ ކަމެއް ވެސް މިހާރު ނޭނގެއެއްނު! ތިމާއަށް ތިމާ ފެނުނީމާ ވާނީ ހަމަ ތިޔަ ކަހަލަ ގޮތެއް.” ޖަމީލާގެ އަޑުގައި ރުޅިވެރިކަމުގެ އިތުރުން، މަލާމާތުގެ ރާގު ވެސް އެކުލެވިއްޖެއެވެ.
“މައި ދެރަ ނުކުރޭ މަންމީ!” މާއިޝާއަށް ރޮވިއްޖެއެވެ.
“ދެން އެކުން މާ ގިނަ އަނގަ ނުތަޅާ، މި ތަނުން ދާންއުޅޭ! ތިޔަ ލިބިނު ރީތި ނަމަކާއި މޮޅުކައިގެން ގޮސް، ޝާދިޔާއަށާއި ރައްޓެހިންނަށް ތުއި ދައްކާ! އަހަރެން ނޫޅެން ކަލޭގެ މޮޅުކަން ބަލާކަށް!”
“މަންމީ! ޕްލީޒް! މައި ދެކެ ރުޅި….”
“މި ތަނުން ދާށޭ ބުނެފީމެއްނު!” ޖަމީލާ މި ފަހަރު އަމުރުކުރީ ކުރިއަށްވުރެ ވެސް ހަރުކޮށެވެ.
ބަދިގެތެރޭގައި ހަނޑޫ ދޮންނަން ހުރި ޝާދިޔާއަށް މި އަޑު އިވިގެން، މަސައްކަތް ބަހައްޓާފައި އަވަސްއަވަހަށް ގޭތެރެއަށް ހިނގައިގަތެވެ. ގެއަށް ވަންތަނާ އޭނާގެ ކަންފަތުގައި ޖެހުނީ، މާއިޝާގެ ރުއިމުގެ އަޑެވެ. ޝާދިޔާގެ ހިތް ތެޅިގަތެވެ. ޖަމީލާ ހަޅޭއްލަވައިގަތީ، މާއިޝާއާ ދިމާއަށްކަން އޭނާއަށް ކަށަވަރުވިއެވެ.
ޝާދިޔާ ފެނުމާ އެކު، ޝާދިޔާއާ ދިމާއަށް މާއިޝާ ހިނގައިގަތެވެ. މާއިޝާ އެހައި ބޮޑަށް ހިތުގައި ޖެހިގެން ރޯން ހުއްޓާ ފެނިފައި، ޝާދިޔާގެ ހިތަށް ވަރަށް ފުން އަސަރެއް ކުރިއެވެ. އޭނާ މާއިޝާ ގޮވައިގެން ދިޔައީ މާއިޝާގެ ކޮޓަރިއާ ދިމާއަށެވެ. ޖަމީލާ ބަލައި ވެސް ނުލައި ފެހުމުގެ މަސައްކަތުގައި އިނެވެ.
ގިނައިރެއް ނުވެ ސަލީމާ އެ ތަނަށް އަތުވެއްޖެއެވެ. އޭނާގެ ތުންފަތްމަތިން ފެންނާން ހުރީ ނުބައި ފާޑެއްގެ ހިނިތުން ވުމެކެވެ.
“ކޮބާ މިހާރު މާއިޝާ؟” ނުބައި ފާޑަކަށް ހިނިއައިސްފައި ހުރެ ސަލީމާ އަހައިލިއެވެ.
“މަންމަ ދެންމެ ހަޅޭއްލަވައިގަތީމަ މިތާ ރޯން ހުއްޓާ، އެ އުޅޭ ޝާދިޔާ އައިސް ހިނގައްޖެ ގޮވައިގެން.” ގަޔާނުވާ ފާޑަކަށް ޖަމީލާ ބުންޏެވެ.
“މާއިޝާއާ ދިމާއަށް އެއްޗެހި ކީކަން އެނގިއްޖެއްޔާ ޣަފޫރުބޭ ވަރަށް ހިތްހަމަނުޖެހޭނެ!”
“ދަރިފުޅު އެ ކަމާ ނުވިސްނާ! މަންމަގެ ސިކުނޑި ދަރިފުޅުގެ ސިކުނޑިއަށްވުރެ އަށާރަ އަހަރު ދޮށިވާނެ!”
“މަންމަގެ ބޮލުގައި ހުރި ނުރަތަކުން ވެސް ތިކަން އެނގޭ.” ސަލީމާ ހިނިގަނޑެއް ޖަހައިލިއެވެ. މާއިޝާއާ ދިމާއަށް އެއްޗެހި ކިޔައިލެވުމުން، ސަލީމާގެ ހިތަށް މިހާރު ވަނީ ފިނިކަން ލިބިފައެވެ.
“ނުރައަކީ އުމުރުގެ ދޮށިކަން އަންގައިދޭ އެއްޗެއް ނޫން! އެއީ ބުއްދިވެރިކަމުގެ ފާހަގައެއް! ވިސްނުން ތޫނުކަމުގެ ނިޝާނެއް!” ޖަމީލާ މަޑުމަޑުން ހީނލިއެވެ.
ޝާދިޔާ އެތައް ވާހަކައެއް އެތައް ގޮތަކަށް ދައްކައިގެން، ބައިގަޑިއެއް ހައިއިރުފަހުން މާއިޝާ ހަމައަކަށް އެޅިއްޖެއެވެ. އެހެންނަމަވެސް ޝާދިޔާއަކަށް އޭނާގެ މޫނުމައްޗަކުން އުފާވެރިކަމެއް ނުނެރެވުނެވެ. އެއަށްވުރެ މާ ބޮޑަށް އޭނާގެ ހިތަށް ވަނީ މިއަދު އަސަރުކޮށްފައެވެ. މަންމައާ ގުޅިފައިވާ ފޮނިފޮނި ހަނދާތައް އޭނާގެ ހިތުގައި ޒަހަރުލަނީއެވެ.
މާއިޝާގެ ހިތަށް އަރަމުން ދިޔައެވެ. މަންމަ މިއަދު ދުނިޔޭގައި އިން ނަމަ ހާދަ އުފަލެއް ކުރީހެވެ. ހާދަ ފިރުމުމެއް ފިރުމީހެވެ. ހާދަ ލޯތްބެއް ދިނީހެވެ. އުފާވެރި ބަސްތަކާއި އަގު ބޮޑެތި ހަދިޔާތަކުން ހިތް ފުރާލަދިނީހެވެ. އެކަމަކު މިއަދު މި ވީ ކިހިނެއް ހެއްޔެވެ. ލިބުނު ފަޚުރުވެރި ކާމިޔާބީ ވެގެން މި ދިޔައީ ބަދުނަސީބުގެ ހުޅުގަނޑަކަށެވެ. ދޮންމަންމަގެ ހިތުގައި ރުޅިއާއި ހަސަދައިގެ އަލިފާން ގަނޑެއް ރޯކޮށްލި، ބިރުވެރި ކަމަކަށެވެ.
ސައި ބޮއިގެން އައިސް ކޮޓަރީގައި މާއިޝާއިނެވެ. މަންމަގެ ފޮޓޯލޯގަނޑު ނަގައިގެން، އެއަށް ބަލަހަށްޓައިގެންނެވެ. އެހެން އިން އިރު ހިތާހިތުން އޭނާ މަންމައާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ލިބުނު ފޮނި ނަތީޖާގެ ވާހަކައެވެ. ގޭތެރޭގައި ދިމާވި ހިތްދަތިކަމުގެ އެއްވެސް ވާހަކައަކުން އޭނާ މަންމަ ގާތުގައި ޝަކުވާއެއް ނުކުރެއެވެ.
މަންމަގެ ހިނިތުންވެފައިވާ އުފާވެރި މޫނަށް ކަޅި ހުއްޓާލައިގެން މާއިޝާ އިންދާ ކޮޓަރިއަށް އައިސް ވަނީ ޝާދިޔާއެވެ.
“ދަރިފުޅާ! ބައްޕަ ފޯނުކޮށްފައި އެބަ އޮތް! އަވަހަށް އާދޭ!”
މާއިޝާ އަވަސްއަވަހަށް ތެދުވިއެވެ. ދެ ލޯ ފޮހެލައިގެން ކޮޓަރިން ނުކުތުމަށް ޓަކައި ހިނގައިގަތެވެ. ބައްޕަ ގުޅާނީ ދޮންމަންމަގެ ފޯނަށްކަން އޭނާއަށް އެނގެއެވެ. ދޮންމަންމަ އުޅެނީ ކޮޓަރީގައެވެ. އެހެންކަމުން އޭނާ ހިނގައިގަތީ އެ ކޮޓަރިއާ ދިމާއަށެވެ.
މާއިޝާ ގޮސް އެ ކޮޓަރީ ދޮރުމައްޗަށް އެރިއިރު، ޖަމީލާ ހުރީ ޣަފޫރާ ފޯނުން ވާހަކަ ދައްކާށެވެ. ވަރަށް ހިނިއައިސްފައެވެ. މޫނުމަތީން ފެންނާން ހުރީ ދެއްކުން ތެރިކަމެވެ. ކުޑަކުޑަ މާއިޝާއަކަށް އެ ކަމެއް ނަގައެއް ނުގަނެވެއެވެ.
“އާނ! އެ މަންޖެ މި އޮއް އައީ.” މާއިޝާ ގޮސް ކޮޓަރީ ދޮރުމަތީގައި ހުރިތަން ފެނިފައި ވަރަށް ގާތް ގޮތަކަށް ޖަމީލާ ބުންޏެވެ. “އަވަހަށް އާދޭ ދަރިފުޅާ! ބައްޕަ މި އޮތީ ފޯނުކޮށްފައި.” ޖަމީލާ ހިނިއައިސްފައި މާއިޝާއަށް ބަލަހައްޓައިގެން ހުރެ، ލޯތްބާއި އޯގާވެރިކަމުން އަތްކަންއަޅާފައިވާ ބަސްތަކެއް ޣަފޫރުގެ ކަންފަތާ ހަމައަށް ފޮނުވައިލިއެވެ. އެ ބަސްތައް ކަންފަތުގައި ޖެހުމާ އެކު، ޣަފޫރުގެ ހިތަށް ފިނިކަން ލިބުނެވެ. ހިތް ބުނާންފެށިއެވެ. އެ ފަދަ ހިތްހެޔޮ އޯގާވެރި މަޔަކު މަގޭ ދަރިފުޅަށް ލިބުނުކަމީ، ކޮން ފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟
މާއިޝާ ކޮޓަރިއަށް ވަނުމާ އެކު ޖަމީލާ އޭނާގެ އަތަށް ފޯނު ދިނެވެ. މާއިޝާ ފޯނު ކަންފަތުގައި ޖައްސައިލަމުން މަޑުމަޑުން ހަލޯއޭ ބުނެލިއެވެ. މާއިޝާއާ ގާތަށް ޖަމީލާ ޖެހިލިއެވެ. ދައްކާ ވާހަކަ އިވޭހައި ގާތަށެވެ. އެހެންނަމަވެސް މާއިޝާ ހީކުރީ ޖަމީލާ ނިކުމެގެން ދިޔައީ ކަމަށެވެ.
“ދަރިފުޅާ!” ބައްޕަގެ އަޑު މާއިޝާގެ ކަންފަތުގައި ޖެހުނެވެ. “ކިހިނެއް ދަރިފުޅުގެ ހާލު؟”
“ރަނގަޅު!”
“ބައްޕަގެ ހާލު ވެސް ރަނގަޅު ދޯ؟”
“އަލްޙަމްދުލިﷲ! ބައްޕަގެ ހާލު ވެސް ރަނގަޅު!”
“ބައްޕަ ކީއްވެ ކޮންމެ ދުވަހަކު މައިއަށް ނުގުޅަނީ؟”
“މި ދަތުރުގައި ބައްޕަ ވަރަށް ބުރަކޮށް މި އުޅެނީ ދަރިފުޅާ! އެހެންވެ ކޮންމެ ދުވަހަކު ނުގުޅެނީ. އެކަމަކު ދަރިފުޅު މަތިން ބައްޕަ ވަރަށް ހަނދާންވޭ!”
“އެކަމަކު ކޮންމެ ދުވަހަކު ވެސް މައި ބޭނުން ބައްޕައާ ވާހަކަ ދައްކަން!” މައިޝާގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.
“ވަގުތު ލިބޭ ވަރަކުން ދެން ކޮންމެ ދުވަހަކު ވެސް ބައްޕަ ގުޅާނަން އިނގޭ! ކޮންކަހަލަ ރިޕޯޓެއް މި ފަހަރު ލިބުނީ؟”
“އޭ ރިޕޯޓެއް.” މާއިޝާ އަވަސްއަވަހަށް ބުންޏެވެ. އެ ވަގުތު އެ ތަނުގައި ހުރި ޖަމީލާ، ފޫހި ނަޒަރަކުން ބަލައިލަމުން، މަލާމާތުގެ ގޮތަކަށް ތުން އަނބުރާލިއެވެ.
“ހާދަރަނގަޅޭ! ކިތައް ވަނަ ލިބުނު؟”
“ކުލާހުން އެއްވަނަ.” ފަޚުރުވެރި އެއްވަނައިގެ ވާހަކަ ބުނިއިރު މާއިޝާގެ މޫނުމައްޗަކު، އަޑަކު، ރާގަކު އުފާވެރިކަމުގެ ކަންފުޅެއް ވެސް ނެތެވެ.
“އަލްހަމްދުﷲ! ބައްޕަ ހާދަ އުފާވެއްޖޭ!” ޣަފޫރުގެ ދެ ލޯ ފެންކަޅިވިއެވެ. “އަބަދުވެސް ޖެހޭނެ ތިގޮތަށް މަސައްކަތް ކުރަން. މަންމި ވެސް ވަރަށް އުފާވެފަ ދޯ ހުރީ ދަރިފުޅުގެ ނަތީޖާ ރަނގަޅުވީމަ؟”
ޣަފޫރުގެ އެ ސުވާލާ އެކު، މާއިޝާގެ އަޑަށް ހުއްޓުން އެރިއެވެ. އޭނާއަށް އުޅެވުނީ މިއަދު ގޭތެރޭގައި ކަން ހިނގި ގޮތްތައް ބައްޕައަށް ކިޔައިދޭށެވެ. އެ ވާހަކަ ފަށާށެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އޭނާގެ ބަސް ހުއްޓުނެވެ. ޝާދިޔާ މިއަދު ދިން ނަސޭޙަތް ކުއްލިއަކަށް ހަނދާނަށް އައުމުންނެވެ.
“ދަރިފުޅާ! ނަމަނަމަ މިއަދު ގޭތެރޭގައި ހިނގި އެއްވެސް ކަމެއްގެ ވާހަކަ ބައްޕަ ގާތު ނުބުނާތި!”
“އެކަމަކު އެ ވާހަކަ ބައްޕަ ގާތުގައި ބުނަންވާނެއެއްނު!” ބައްޕައަށް އެ ވާހަކަތައް ކިޔައިދިނީމާ ދެން ވާނެ ގޮތެއް މާއިޝާގެ ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ.
“އޭރުން ކަމަކު ނުދާނެ! އެ ވާހަކަތައް ކިޔައިދިނީމަ ބައްޕަ ވަރަށް ދެރަވާނެ!” ޣަފޫރުގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ކުރާކަށް ޝާދިޔާއެއް ނޭދެއެވެ. ޣަފޫރުގެ ދެމަފިރިންގެ ދެމެދު އެއްވެސް ކަހަލަ މައްސަލައެއް އުފެދޭކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ.
“ބައްޕަ ދެރަވަންޏާ މައި އެ ވާހަކައެއް ނުބުނާނަން!”
“ދަރިފުޅު އެއްޗެއް ބުނަންތަ ތި އުޅެނީ؟” ޚިޔާލީ ދުނިޔެއިން މާއިޝާއަށް ނުކުމެވުނީ ޣަފޫރުގެ އަޑަށެވެ.
“އަ… ނު…ނު…ނޫން!”
“ބައްޕަ ހީކުރީ ދަރިފުޅު ކޮންމެވެސް ވާހަކައެއް ބުނަން އުޅުނީ ކަމަށް.” ޣަފޫރު ހީނލިއެވެ.
“ބައްޕަ ދެން ކޮން ދުވަހަކުން މާލެ އަންނާނީ؟” ބައްޕަ ރަށުގައި ނެތުމުން މާއިޝާގެ ހިތަށް ދަތިވެއެވެ. ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްވެއެވެ.
“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދާނަން! މަންމި ކޮބާ މިހާރު؟”
“ބޭރަށް ދިޔަ…..” މާއިޝާ ދޮރާދިމާއަށް އެނބުރިލުމާ އެކު، ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ފުރަގަހުގައި ޖަމީލާ ހުރިތަން ފެނިފައެވެ.
“ދަރިފުޅު ހާދަ ވަރަކަށް ތި ސިހުނީ.” މާއިޝާ ސިހުނުތަން ފެނިފައި ޖަމީލާ ހޭންފެށިއެވެ. މާއިޝާ ގާތަކަށް ހިންޏެއް ނައެވެ. ސިހުނުވަރުން މޭތެޅެމުން ދިޔައެވެ.
“މަންމި އެބަ ހުރި ދޯ! މަންމި އަތަށް ފޯނު ދީބަލަ!”
ޖަމީލާ އަތަށް ފޯނު ދީފައި މާއިޝާ ހިނގައިގަތެވެ. ޖަމީލާ ހަލޯއޭ ބުނުމަށްފަހު ދެން ބުނި ޖުމުލަ މާއިޝާގެ ކަންފަތަށް ފޯރީ ކޮޓަރިން ނުކުންނަނިކޮށެވެ.
“އާނ! ޣަފޫރު އައިސް، ޕާޓީއެއް ބާއްވަންވާނެ ކޮންމެހެން ވެސް. އޭރުން ތާ އެ މަންޖެ އުފާވާނީ.”
މާއިޝާ އެނބުރި ބަލައި ވެސް ނުލައެވެ. ދިޔަ ގޮތަށް ދިޔައީއެވެ.
މިއަދަކީ މާއިޝާގެ ކާމިޔާބާއި ގުޅިގެން ކުލަގަދަ ޕާޓީއެއް ބާއްވާދުވަހެކެވެ. ޕާޓީ އޮތީ ދަރުބާރު ގޭގައެވެ. ފެންވަރު ރަނގަޅު ޕާޓީއެކެވެ. އެތައް ބަޔަކަށް ދަޢުވަތު ދީފައިވާކަން އެނގެނީ، ޕާޓީއަށް ހާޒިރުވަމުން ދިޔަ މީހުން ގިނަވީމައެވެ. އޭގެ ތެރޭގައި މާއިޝާގެ ރައްޓެހި ކުދިންނާއި ޓީޗަރުންނާއި ޢާއިލާގެ މެންބަރުން ވެސް ހިމެނެވެ. ޕާޓީ ހިނގަމުން ދިޔަ ވަގުތު ޖަމީލާއާއި ސަލީމާ ވެސް ވަރަށް އުފަލާ އެކު ބައިވެރިވަމުން ދިޔަ މަންޒަރު ފެނުނެވެ.
“މިއަދު ހާދަ އުފާވެފައޭ ދޯ އެ މާއިޝާގަނޑު ހުރީ!” ޕާޓީން ނިމިގެން ގެއަށް އައިސް އުޅުނު އުޅުމުގެ ތެރޭގައި ފޫހިގޮތަކަށް ސަލީމާ ބުނެލިއެވެ.
“ފޮނިވާނެއެއްނު. އޭނާގެ ބައްޕަ އެ ހުންނަނީ އޭނަ ފޮނިކޮށްފަވިއްޔާ.” ޖަމީލާ ބުނެލިއެވެ.
“މިހާރު ނޭނގެ ވާގޮތެއް! އެ މާއިޝާއަކު ފެނުނަސް ހާދަ ފޫއްސެކޭ ވަނީ. މަންމަ ވެސް ދެން ކުއްޖަކު ވިހާބަލަ! އޭރުން ދޯ….”
“ކެތް ކޮށްބަލަ! ނުވަ މަސް ވަންދެން ބަނޑުގައި ވެސް އޮތީނު!” ސަމާސާ ރާގަކަށް ޖަމީލާ ބުނެލިއެވެ.
“މަންމަ ބުނި ގައިމު ދުވަސް ނުފުރާ ވީހޭ ދަރިއެކޭ މަށަކީ.”
“އާނ! ދޯ!”
“ނުވަ މަސް ވަންދެން ކެތް ނުކުރެވުނީމައެއްނު ދުވަސް ނުފުރާ ވިހަން ޖެހުނީ. ދެން ވެސް ކެތެއް ނުވާނެ! ޣަފޫރުބޭ ބޮލަށް އެރިގެން އެ ކަން އަވަސްކުރޭ! މިހާރު އާ ފިހާރަ ވެސް ހުޅުވައިފިއެއްނު!”
ދުވަސްތައް މާޒީގެ ފަތްފުށްތަކާ އެކުވަމުން ދެއެވެ. ޗުއްޓީ ނިމި، އާ އަހަރުގެ ކިޔެވުން ފެށިއްޖެއެވެ. ސަލީމާ މި އަހަރު ކިޔަވާކަށް ނުދިޔައެވެ. އޭނާ ބޭނުންވީ އިސްކޫލުން ކެނޑޭށެވެ. ޖަމީލާ ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް ގަބޫލެއް ނުކުރިއެވެ.
ފާއިތުވަމުން ދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފިހާރައިގައި އުޅެފައި ޣަފޫރު ގެއަށް އައީ ހަވީރުއެވެ. އޭނާ އައިސް ޖަމީލާ ގާތުގައި ބުނީ، އަންނަ ހަފުތާ މުދާ ބަލާ ބެންކޮކަށް ފުރަންޖެހޭ ވާހަކައެވެ. އެ ވާހަކަ ބުނުމާ އެކު، އެ ދަތުރުގައި ދާން ޖަމީލާ ބޭނުންވެއްޖެއެވެ. ޑޮކްޓަރަށް ދައްކާށެވެ. ޣަފޫރު އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް ޖަމީލާ ކުރެއް ނުކުރިއެވެ. ޣަފޫރުގެ ބޮލުގައި ކޮށާ ކޮށުމަކަށް ދުލެއް ނުދިނެވެ. އެންމެ ފަހުން ޣަފޫރު ނިންމީ މި ދަތުރު، ޖަމީލާ ގޮވައިގެން ދާށެވެ. ދަރިއަކު ލިބޭތޯ ފަރުވާ ފަށާށެވެ.
ބޭންކޮކަށް ގޮސް، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ޖަމީލާ ދެއްކިއެވެ. ޑޮކްޓަރު ދެއްވީ ޓެސްޓުތަކެއް ހަދާށެވެ. އެ ޓެސްޓުތައް ހަދައިގެން ގޮސް ދެއްކުމުން ޑޮކްޓަރުގެ ފަރާތުން ލިބުނީ، ޖަމީލާގެ ކަންފަތަށާއި ހިތަށް އުނދަގޫތަކެއް ވެރިވި ޖަވާބެކެވެ. އެހެންކަމުން އޭނާ ބޭނުންވީ އެހެން ޑޮކްޓަރަކަށް ވެސް ދައްކާށެވެ. ޣަފޫރު ބޭނުންވީ ކުރެވޭން އޮތް ކަމެއް މި ދަތުރުގައި ކުރާށެވެ. އިރުއިރުކޮޅުން ޖަމީލާ ގޮވައިގެން އައުން، ފަސޭހަ ކަމަކަށް ނުވާނެތީވެ. އެހެންކަމުން ދެވަނަ ޑޮކްޓަރަކަށް ވެސް ޖަމީލާ ދެއްކިއެވެ. އެ ޑޮކްޓަރު ވެސް ދެއްވީ ޓެސްޓުތަކެއް ހަދާށެވެ. މި ފަހަރު ވެސް ލިބުނީ ހިތްދަތި ޖަވާބެކެވެ.
ޖަމީލާގެ އެދުމަށް ފަހަރަކު ޑޮކްޓަރަކަށް ދައްކަމުން ގޮސް، ފަސް ހަ ޑޮކްޓަރުންނަށް ޖަމީލާ ދެއްކިއެވެ. ތަފާތު އެތައް ޓެސްޓެއް ހެދިއެވެ. އެހެންނަމަވެސް ދެއްކި އެއްވެސް ޑޮކްޓަރެއްގެ ފަރާތުން އުއްމީދުގެ އަލިކަމެއް ނުފެނުނެވެ. އެތައް ފައިސާއެއް ޚަރަދުކޮށްފައި، އެނބުރި ރައްޖެއަށް އަންނާން ޖެހުނީ ނާއުއްމީދާ އެކުގައެވެ. މި ކަމާ ޖަމީލާއަށްވުރެ ސަލީމާ، މާ ބޮޑަށް ކަންބޮޑުވެ ދެރަވިއެވެ.
ރޭގަނޑުގެ ވަގުތެވެ. ގަޑިން އަށެއް ޖަހަނީއެވެ. މާއިޝާ ސިޓިންގ ރޫމަށް ނިކުމެ ޓީވީ ހުޅުވައިލިއެވެ. ޚަބަރު ބަލައިލުމަށް ޓަކައެވެ. ސިޓިންގ ރޫމުގައި، މާއިޝާ ފިޔަވައި އިތުރުމީހަކު ނެތެވެ. ޝާދިޔާވީ ރަށު މީހަކު އައިސް ބުނުމުން، އޭނާއާއެކު އެއްޗެއް ގަންނާން ފިހާރައަކަށް ގޮހެވެ. ޝާދިޔާ ގޭގައި ނެތިއްޔާ މާއިޝާއަށް މިހާރު އުޅޭން ޖެހެނީ ވަރަށް އެކަނިވެރިކޮށެވެ. ޖަމީލާއާއި ސަލީމާ މާ ބޮޑު ގާތްކަމެއް ނުބަހައްޓާތީއެވެ. ޣަފޫރު ގޭގައި އުޅޭ ވަގުތެއްގައި ނޫނީ، އެ ދެ މައިން މާއިޝާއާ ރީތިކޮށް އަނގައިން ވެސް ބުނެ ނުލާނެއެވެ. މާއިޝާއަށް ވެސް މިހާރު ވާނުވާ ވިސްނެއެވެ. ބޮޑުވާ ވަރަކަށް ތަންދޮރު އެނގެމުން، ދުނިޔެ ދަސްވަމުން ދާ އުސޫލުންނެވެ.
މާއިޝާ ޚަބަރު ބަލަން އިންއިރު ޖަމީލާ އާއި ސަލީމާ ތިބީ ކޮޓަރީގައެވެ. ކޮންމެވެސް ވާހަކައެއް ދައްކާށެވެ.
“އަހަރެންގެ ހިތަށްއަރާ އަހަރެން ވެސް މާއިޝާހައި ރީތިވެފައި މުއްސަނދި ވީނަމައޭ.” ސަލީމާ އެއްޗެއް ވިސްނަން އިންނަ ކަހަލަ ގޮތަކަށް އިރުކޮޅަކު އިނދެފައި ބުންޏެވެ.
“ދަރިފުޅު ހުތުރޭ ބުނީ ކާކު؟” ސަލީމާގެ މޫނަށް ޖަމީލާ ބަލައިލިއެވެ.
“މީހަކު ނުބުންޏަސް މަށަށް އެނގޭ އެކަން. މަންމަގެ ކަޅުކަން ވިއްޔަ މަށަށް ލިބިފައި މިހިރީ.” އަމިއްލަ އަތަށް ސަލީމާ ބަލައިލިއެވެ.
“އަގު ހުންނާނީ ކަޅު އެއްޗެހީގަ. ދަރިފުޅު ނުދަންނަމުތަ މާވަހަރެއް ވެސް؟ އެހެންނޫނަސް ދޮނާއި ކަޅަކީ، ރީތިކަން މިނާން ގެންގުޅޭ މިންގަނޑެއް ނޫން!”
“މަންމަގެ އަނގައަކުން ނާރާނެ ވިއްޔަ!” ސަލީމާ ހިނިގަނޑެއްޖަހައިލިއެވެ.
“އަނގައިން އަރައިގެން މި ޒަމާނަކު ނޫޅެވޭނެ!”
“މަންމަ ކިތަންމެ މޮޅުކަމަށް ހެދިގެން އުޅުނަސް، މަންމައަކަށް އެކައްޗެއް ވެސް ނުވިސްނޭ!”
“ކީއްވެ ތިހެން ތި ބުނީ؟”
“މި ގޭގައި އުޅޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ކޮންކަމެއް މަންމައަށް ވީ؟”
“ކޮންކަމެއް ނުވަނީ؟” ޖަމީލާ ވަގުތުން އަހައިލިއެވެ.
“އެއް ކަމެއް ވެސް ނުވޭ! މިއަދު މަންމަ ވަރިކޮށްލިޔަސް، ނޫނީ މާއިޝާއަށް ބާރެއް ލިބުނަސް، އަހަރެމެންނަށް ޖެހޭނީ ހުސް އަތާ މި ގެއިން ނިކުންނަން.” ސަލީމާ ވަރަށް ދުރަށް ވިސްނަން ފެށިއެވެ.
“ރަނގަޅު ވާހަކައެއް ތީ.” ބަސް ހުއްޓިފައި އިންނަ ކަހަލަ ގޮތަކަށް އިރުކޮޅަކު އިނދެފައި، މަޑުމަޑުން ޖަމީލާ ބޯ ޖަހައިލިއެވެ.
“އެހެން އެ ކަން ނުވާނެ ގޮތަކަށް ރާވަން އެބަ ޖެހޭ!” ސަލީމާ އިނީ ޖަމީލާގެ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ.
“މަންމައަކީ މިހާރު ރަނގަޅު ވިސްނުމެއް އަންނަވަރަށް ވުރެ ދުވަސް ވެފައި އިން މީހެއް. ދަރިފުޅު ނިކަން ރަނގަޅު ބުއްދިއެއް ކޮށްބަލަ!”
ސަލީމާ އިނީ ވިސްނާށެވެ. އެކަކު ވެސް އަނގައަކުން ނުބުނެއެވެ. ހަމަހިމޭން ވަގުތުކޮޅެކެވެ. މި ގޮތަށް ދެތިން މިނިޓެއް ވެއަތުވެއްޖެއެވެ. އިރުކޮޅަކުން ޖަމީލާގެ މޫނަށް ބަލައިލަމުން ފުންނޭވާއެއް ސަލީމާ ދޫކޮށްލިއެވެ.
“ކޮބާ ރަނގަޅު ފިކުރެއް އަތުވެއްޖެ؟” ސަލީމާއާ ދިމާއަށް ޖަމީލާ ބަލައިލިއެވެ.
“މަށަށް ފެންނަނީ އެންމެ ފުރަތަމަ އެ އުޅޭ ޝާދިޔާގަނޑު މި ގޭން ފޮނުވާލަން.”
“ޝާދިޔާ ފޮނުވައިލާށޭ؟ އޭރުން…؟ އޭރުން ކިހިނެއް ވާނީ؟”
“އޭރުން އަހަރެމެންނަށް ވަރަށް ފަސޭހަވާނެ!”
“ކޮން ފަސޭހައެއް ވާނީ؟ މި ގޭގައި ކުރަންޖެހޭ މަސައްކަތްތައް ދެން ކުރާނީ ކާކު؟ ހުރިހައި މަސައްކަތެއް އަރާނީ މި ދެ އަތަކަށްނު!” އަމިއްލަ އަތަށް އިޝާރާތްކޮށްލަމުން ޖަމީލާ ދެ ލޯ ބޮޑުކޮށްލިއެވެ.
“އަހަރެން ވެސް މި ހުރީނު!” މޭގައި އަތް ޖައްސައިލަމުން ސަލީމާ ބުނެލިއެވެ. “ނުވިތާކަށް މާއިޝާ ވެސް….”
“އެކަމަކު ޝާދިޔާ ބޭރުކޮށްލައިގެން އަހަރެމެންނަށް އޮތީ ކޮން މޮޅެއް؟”
“މާއިޝާގެ އެ ހުރި ފޮނިކަން ކަނޑުވައިލެވުނަސް އެއީ ވަރަށް ބޮޑު ވަރެއް ދޯ! ޝާދިޔާ އޭނާ ހައްދައިގެން ގެންގުޅޭތީ، އެހައި ފެންމަތިވެގެން އެ އުޅެނީ. ޝާދިޔާ ބޭރުކޮށްލީމަ އޭނާއަށް ޖެހޭނީ ހަމަބިމަށް ފައިބަން. ދެން ކޮންމެވެސް ގޮތަކުން ގޭގެ މަސައްކަތްތައް އޭނާއާ ހަވާލުކުރީމާ ހުރިހާ ކަމެއް ހަމަޖެހުނީނު!”
“ތި ޚިޔާލު ކިތަންމެހައި ވެސް ރަނގަޅު! އެކަމަކު ތި ގޮތަކަށް ތި ކަމެއް ނުވާނެ!”
“އެއީ…..؟”
“މީދަ ފެންނަ މޮޔަ ދަރިއާ! މާއިޝާ ލައްވާ ގޭގެ މަސައްކަތް ކުރުވަން ޣަފޫރުބޭ އެއްބަސްވާނޭހެން ހީވޭތަ؟ ނުވާނެ! ހަނދާން ނައްތާލާ!”
“މި ކަމުގައި މަންމަ ޖެހޭނީ، ދަރެއް ބަނދެލާށޭ. ޣަފޫރުބޭގެ ބޮލަށް މަންމައަށް އެރެލެވެންވާނެ.”
ޣަފޫރުގެ އާ ފިހާރައިގެ ވިޔަފާރި އަދި އެހައި ރަނގަޅެއް ނޫނެވެ. ވިޔަފާރީގެ ފައިދާއިން ދެކޮޅު ނުޖެހޭތީ، ކޮންމެ މަހަކު ވެސް ޖެހެނީ ޖަމާކޮށްފައި ހުރި ފައިސާއިން ބައެއް ނަގާށެވެ. އެހެންކަމުން މި ދުވަސްވަރަކީ ޣަފޫރުގެ ސިކުނޑިއަށް ބުރަ ބޮޑު ދުވަސްވަރެކެވެ. ވިޔަފާރި ރަނގަޅުކުރާނޭ ގޮތުގެ ފިކުރު، އޭނާގެ ސިކުނޑިއަށް ހާސްކަން ވެރިކުރާ ދުވަސްވަރެކެވެ.
ފިހާރައިގައި އުޅެފައި މެންދުރު ޣަފޫރު ގެއަށް އައީ ބޮލުގައި ރިއްސާތީއެވެ. ކައިގެން އޭނާ އޮށޯތީ ނިދައިލާށެވެ. ހަވީރު ހޭލިއިރު ބޮލަށް ވަނީ ލުއިވެފައެވެ. އެހެންކަމުން ފެންވަރާލައިގެން އޭނާ ނުކުތީ ފިހާރައަށް ދިޔުމަށެވެ. ސިޓިންރޫމަށް ވަންއިރު މާއިޝާ ސިޓިންރޫމުގައި އިނެވެ. ފިކުރެއްގެ ތެރެއަށް ގެއްލިފައި އިން ކަހަލަ ގޮތަކަށެވެ. ނަޒަރު ހުއްޓިފައި ހުރީ ޓީވީ ކައިރީގައި ހުރި، މާޖަހާއެތީގައި ހުރި މޯޅިވަމުން ދާ ރަތް ފިނިފެން މަލަށެވެ.
މާއިޝާ އިން ގޮތް ފެނިފައި ޣަފޫރުގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އޭނާއަށް ހުރެވުނީ މާއިޝާއާ ދިމާއަށް ބަލާށެވެ. އިރުކޮޅަކު އެހެން ހުރެފައި، މާއިޝާއާ ދިމާއަށް މަޑުމަޑުން އޭނާ ހިނގައިގަތެވެ.
“ދަރިފުޅާ!”
ޣަފޫރުގެ އަޑަށް މާއިޝާ ސިހުނެވެ. އަވަސްއަވަހަށް ބައްޕައާ ދިމާއަށް ބަލައިލެވުނެވެ.
“ކީއްވެފަ މި ތާ އެކަނިމާއެކަނި ތި އިނީ؟”
“ކަ…. ކަމެއް ނުވޭ!” ހަމަޖެހިލެވޭތޯ މާއިޝާ މަސައްކަތްކުރިއެވެ.
“ކޮބާ ސަލީމާ؟”
“ކޮޓަރީގައި ކަންނޭނގެ!” ގަދަކަމުން ކަހަލަ ގޮތަކަށް މާއިޝާ ހިނިތުންވެލިއެވެ.
“މިހާރު ތި ދެ ކުދިން އެއްކޮށް އުޅޭތަން ބައްޕައަށް ހާދަ ނުފެނޭ!”
ޣަފޫރުގެ އެ ޖުމުލައަށް މާއިޝާ އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނާނެ އެއްޗެއް ނޭނގުނީއެވެ. ބައްޕަ އެ ބުނީ ރަނގަޅު ވާހަކައެކެވެ. މިހާރު ސަލީމާ އޭނާއަކާ ވާހަކައެއް ނުދައްކައެވެ. އޭނާ ވާހަކަ ދެއްކިޔަސް އަނގައަކުން ނުބުނެއެވެ. އެކަމާ މާއިޝާ ވަރަށް ދެރަވެއެވެ. އެހެންނަމަވެސް އެ ކަން ބައްޕައަށް އަންގާކަށް ބޭނުމެއް ނުވެއެވެ. ބައްޕަ ދެރަވާނެކަން އެނގޭތީއެވެ.
“ބައްޕަ މި ދަނީ ފިހާރައަށް. ދަރިފުޅު ވެސް ދެން ދޭ ފެންވަރާލައިގެން ނަމާދަށް ތައްޔާރުވާން! ބައްޕައަށް ތަންކޮޅެއް ލަހުން މި ރޭ ގެއަށް އާދެވޭނީ.”
ދުވަސްވަރަކީ ބާޒާރުމަތީގައި ހުރި ފިހާރައިގެ ހިސާބު ކުރެވެމުން ދިޔަ ދުވަސްވަރެވެ. އެހެންކަމުން މި ދުވަސްކޮޅު ޣަފޫރު އުޅެނީ ވަރަށް ބުރަކޮށެވެ. ގިނަ ދުވަސްދުވަހު ހެނދުނު ފިހާރައަށް ދާ ގޮތަށް، އެނބުރި އާދެވެނީ އޮރު އޮއްސި އަށެއް ނުވައެއްޖަހާ ފަހުންނެވެ. ބައެއް ރޭރޭ އެއަށްވުރެ ވެސް ލަސްވާ ފަހުންނެވެ.
މިއީ ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ޖަމީލާއާއި ސަލީމާ ދުއްޓެވެ. އެ ދެ މައިންގެ މަކަރުވެރި ރޭވުމަށް އަމަލީ ސިފަ ގެނައުމަށް، މިއަށްވުރެ ވަކީން ރަނގަޅު ދުވަސްވަރެއް ދެނެއް ނާންނާނެއެވެ. މަސައްކަތުގައި އުޅެފައި ބޯ ހާސްވެ ވަރުބަލިވެގެން ގެއަށް އަންނަ ވަގުތު ގޭތެރޭގައި ހައިޖާނު އުފައްދާލައިފި ނަމަ، އަންނަ ރުޅީގައި ކުރެވޭ ކަމަކުން، ފައިދާއެއް ކޮށްފާނެއެވެ.
ވަގުތުތައް ބޭކާރުކޮށްލުމެއް ނެތި، ކަން ކުރާނޭ ގޮތް ދެ މައިންގެ ދެމެދުގައި ރާވާލެވިއްޖެއެވެ. ކުރަންވީ ކަންކަމުގެ ބޮޑު ބައި އޮތީ ޖަމީލާއަށެވެ. އެކަން ވާނީ ވެސް އެހެންތާއެވެ. ލުނބޯކިބަ ހިފައިގެން، ގޮސް ޣަފޫރުގެ ބޮލަށް ފެލައިލަން ފަސޭހަވެފައި، ފުރުސަތު ފަހިވާނީ ވެސް އޭނާއަށެވެ.
ފިހާރަ ހިސާބުކުރުމުގެ މަސައްކަތް ކުރެވެމުން ދިޔަ ދުވަހެކެވެ. މުދާތައް ގުނައި، ނޯޓުކޮށް އަގުމަގުކުރަމުން ދިޔައެވެ. ރޭ ވެސް ނިދުނުލެއް ލަސްވެ، ޣަފޫރުގެ ބޮލަށް މިއަދު ވަނީ ތަންކޮޅެއް ބަރުވެފައެވެ. ބޭނުންވަނީ އޮށޯވެލާށެވެ. އެހެންނަމަވެސް މި ކަން ނުނިންމާ އެހެންކަމެއް ކުވެވޭކަށް ނެތެވެ. ފިހާރައިގައި އުޅޭ ތިން ބިދޭސީންގެ ތެރެއިން ދެ މީހުން މިއަދު ފިހާރައަކަށް ނާދެއެވެ. ގުޅައިގުޅައި ފޯނެއް ވެސް ނުނެގިއެވެ. އެ ކަމާ ވެސް ޣަފޫރުގެ ބޮލަށް އިތުރު އުނދަގުލެއް ވަނީ ވެފައެވެ. އެހެންނަމަވެސް ކުރެވޭނެ ކަމެއް ވެސް ނެތެވެ. އެއީ މަގުމަތިން އޭނާ ނަގައިގެން ވަޒީފާ ދީގެން އުޅޭ ތިން މީހުންނެވެ.
ފިހާރައިގެ ފާޚާނާ މައްސަލަޖެހިފައި ހުރި ދުވަހެއްކަމުން ކުއްލި ގޮތަކަށް ގެއަށްދާން ޣަފޫރަށް ޖެހިއްޖެއެވެ. ފިހާރައިގައި ހުރި ބިދޭސީ މީހާއާ ފިހާރަ ހަވާލުކޮށްފައި އޭނާ ސައިކަލުގައި ގެއާދިމާއަށް ނައްޓާލިއެވެ. ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައެވެ.
ޖަމީލާއާއި ސަލީމާ ތިބީ ސިޓިންރޫމުގައި ހިންދީ ސީރީޒްއެއް ބަލާށެވެ. އެއީ އެ ދެ މައިންނަށް ވާޖިބުވެފައިވާ ކަމެއް ފަދައެވެ. މިހާރަކަށް އައިސް ކޮންމެ ދުވަހަކު ވެސް މި ގަޑީގައި އޮންނާނީ އެ މަސައްކަތެވެ. އޭރު މާއިޝާއާއި ޝާދިޔާ އުޅުނީ ބަދިގޭގައެވެ. ގޭގައި އުޅޭ ގިނަ ވަގުތު މިހާރު މާއިޝާ ހޭދަކުރަނީ ޝާދިޔާއާ އެކުގައެވެ. މިއީ ޓާމުގެ މެދުތެރެއިން ލިބޭ ޗުއްޓީ ހަފުތާގެ ދުވަސްކޮޅުކަމުން މި ހަފުތާ، ދުވާލުގެ ހުރިހައި ވަގުތެއްހެން މާއިޝާ ހޭދަކުރީ ޝާދިޔާއާ އެކުގައެވެ.
ސީރީޒަށް ވަދެ ހުސްވެފައި ތިބި ދެ މައިންނަށް ކުއްލި ސިހުމެއް ލިބުނީ ގޭ ދޮރާށި ހުޅުވި އަޑަށެވެ. އެ ދޮރާއްޓަކީ ކުޑަ ތާއްޓެއް އަރާފައި ހުންނަ ދޮރާއްޓެއްކަމުން، އެއްވެސް މީހަކަށް ސިއްރުން އެ ދޮރާއްޓެއް ނުހުޅުވޭނެއެވެ.
“އެ އައީ ޣަފޫރުބެ ކަންނޭނގެ.” ސަލީމާ ފުންމައިގެން ތެދުވިއެވެ. ދޮރާށި ތަޅުލާފައި ހުއްޓާ އެހެން މީހަކަށް، އެ ގޮތަށް އައިސް އެ ގެއަކަށް ނުވަދެވޭނެއެވެ.
“ޣަފޫރުބެ؟ މި ވަގުތު؟” ޖަމީލާގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ އާންމުކޮށް ޣަފޫރު ގެއަށް އަންނަ ވަގުތެއް ނޫނެވެ. ޖަމީލާ އަވަސް އަވަހަށް ތެދުވެގެން ގޮސް، ކުޑަދޮރުގެ ފޮތިގަނޑު ދުރުކޮށް ބޭރަށް ބަލައިލިއެވެ. އޭރު ޣަފޫރު ވަދެ ދޮރޯށި ލައްޕަނީއެވެ.
“އާނ! ޣަފޫރުބެ!” ސަލީމާއާ ދިމާއަށް ބަލައިލަމުން ޖަމީލާ އަވަސް އަވަހަށް ހިނގައިގަތެވެ. “މީ ރަނގަޅު ވަގުތެއް ދޯ!”
“އާނ!” ދެ ފަޔަށް ބާރުލާފައި ސަލީމާ ހިނގައިގަތީ ޓީވީއާ ދިމާއަށެވެ. ޖަމީލާ ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ޣަފޫރު ގެއަށް ވަދެގެން ދިޔައިރު، ސަލީމާ އިނީ ސިޓީން ރޫމުގައެވެ. ސޯފާއަށް ދެ ފައި އަރުވައިގެން ވަރަށް ދެރަވެފައި އިން ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ސަލީމާއާ ދިމާއަށް ޣަފޫރުގެ ސަމާލުކަމުގެ ކައްޓެއް ނުހުއްޓުނެވެ. އެއަށްވުރެ އޭނާގެ ހާސްކަން ބޮޑެވެ.
ޣަފޫރު އެ ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަވަސްއަރައިގެންފައި ހުރި ޣަފޫރުގެ ހަލުއި ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފިއެވެ. ނުތަނަވަސްވެފައިވާ ހިތަށް ވެސް ހުއްޓުން އެރި ކަހަލައެވެ. ޖަމީލާ އެނދުމަތީގައި ރޯން އިންދާ ފެނުމުންނެވެ. އޭރު އޭނާއަށް ވަނީ ގިސްލެވިފައެވެ.
“ޖަމީލާ!” ޣަފޫރު އަވަސްއަވަހަށް ޖަމީލާއާ ދިމާއަށް ހިނގައިގަތެވެ. “ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟” ޖަމީލާގެ ގާތުގައި ޣަފޫރު ގޮސް އިށީނދެ، އޭނާގެ ބޮލުގައި ފިރުމައިލިއެވެ.
ޣަފޫރުގެ ސުވާލަށް ޖަމީލާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ރުއިމާއި ގިސްލުން ވީ އިތުރެވެ.
“ޖަމީލާ! ކިހިނެއްވީ؟ ވެގެން އުޅޭ ގޮތެއް ބުނެބަލަ!” ޣަފޫރުގެ ފިކުރާއި ނުތަނަވަސްކަމުގެ ތެރޭގައި ކެކިކެކި އޮތް ސިކުނޑި އިތުރަށް ހޫނުވާންފެށިއެވެ. “އަނގައިން ނުބުނެ ތި ގޮތަށް ރުޔަކަސް ވާނުވާއެއް ނޭނގޭނެ! ވާ ގޮތެއް ބުނީމަ މަށަށް ވެސް ކަމެއް ކޮށްދޭން އެނގޭނީ.” ފާޚާނާއަކަށް ދާން ޖެހިގެން ގެއަށް އައި ޣަފޫރު މިހާރު އެކަން ހަނދާން ވެސް ނެތް ކަހަލައެވެ.
“ކަ…. ކަމެއް ނުވޭ!” ގިސްލުމުގެ އަޑާ އެކުވެގެން ޖަމީލާގެ އަޑު ނިކުތެވެ.
“ކަމެއް ނުވެ މީހުން ރޮއި އުޅޭކަމެއް ނުދެނަހުރިން.”
“އަހަންނަކަށް ދެން މި ގެއަކު ނޫޅެވޭނެ! އަހަރެން މި ގޭން ފޮނުވާލަދީ!” ހިތްދަތިކަމާއި ކެކުޅުން ބަރުދާސްތުކުރާ ހާލު، އެ ކަންކަން އޮއްބަން މަސައްކަތްކުރާ ކަހަލަ ގޮތަކަށް ޖަމީލާ ވާހަކަ ދެއްކިއެވެ.
“އެޔޯ؟” ޣަފޫރަށް ފުންމައިގެން ތެދުވެވުނެވެ. ހީ ވެސް ނުކުރާ ކަހަލަ ޖުމުލައެއް ޖަމީލާގެ އަނގައިން ބޭރުވުމުންނެވެ. “ކާކު ކީކޭ ކިޔައިގެން ތި އުޅެނީ؟ މަށޭ ކިޔައިގެން މީހަކު އެއްޗެކޭ ކީތަ؟” ޣަފޫރަށް ހުރެވުނީ ވާނުވާ ނޭނގި، ސުވާލުފުންޏެއްގެ ތެރޭގައި ހަފުސްވެފައެވެ.
“ދެން ޣަފޫރު ވެސް މާ ގިނަ ސުވާލު މަށާ ނުކުރިއްޔާ ރަނގަޅުވާނީ. އަހަރެން ބޭނުމެއް ނޫން މި ގޭތެރޭގެ މަސްލަޙަތު ގެއްލި، ޣަފޫރުގެ ސިކުނޑިއަށް އިތުރު ހާސްކަން ވެރިކުރުވާކަށް.”
“ވާހަކަ ގިނަ ނުކޮށް ވެގެން ތި އުޅޭގޮތެއް މަށަށް ކިޔައިދީ! މަށަށް އެނގޭކަމަކީ ގޭތެރޭގެ މަސްލަޙަތު މިހާރު ވެސް ތި އޮތީ ގެއްލިފައިކަން.” ޣަފޫރު ގާތަށް ރުޅި އަންނަގޮތް ވެއްޖެއެވެ. ޖަމީލާ ފަހަރަކު ފިޔަވަޅެއް އަޅަމުން އައީ އެ ވަރު ވިސްނައިގެންނެވެ.
ޣަފޫރު އިށީންނުމުން، ޣަފޫރާ ދިމާއަށް މޫނު އަނބުރާލައި، އޭނާގެ ބޮޑުވެފައިވާ ދެ ލޮލަށް ޖަމީލާ ބަލައިލިއެވެ. ޣަފޫރަށް ފެނުނީ ދެ ލޯ ރަތްވެފައިވާ ތަނެވެ. ރަތްވާ ވަރަށް އޭނާ ދެ ލޯ އުނގުޅައިފިއެވެ.
“ޣަފޫރު!” ޖަމީލާގެ ކަރުނައިން ތެމިފައިވާ އަތުން ޣަފޫރުގެ އަތުގައި ހިފަހައްޓައިލަމުން، އޭނާ ގޮވައިލިއެވެ. “މީހުންގެ ވާހަކަ ދައްކާކަށް މަށަކަށް ފަސޭހައެއް ނޫން! އެ ކަން މަލައްވާ ކުރުވަން ނަހަދާ!” ޖަމީލާގެ އަޑު އަދިވެސް ތުރުތުރުއަޅައެވެ.
“މީހުންގެ ވާހަކަ ދައްކާކަށް މަށެއް ނުބުނަން! އެކަމަކު މި ގޭ ހަތަރު ފާރުން އެތެރޭގައި ހިނގާ ކަންކަން މަށަށް އެނގެން ޖެހޭނެ!” ޣަފޫރުގެ އަޑު މިހާރު ވެސް ހުރީ ތަންކޮޅެއް މަތީގައެވެ.
“އަހަރެން މި ކަން ޣަފޫރަށް ސިއްރުކޮށްގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ! މިއަދު ވެސް ޣަފޫރަށް މި ގަޑީގައި އާދެވުނީމަ…”
“ކީއްވެހޭ ސިއްރު ކުރަންވީ؟ ނުޖެހޭނެ ސިއްރުކުރާކަށް.”
“ސިއްރުކުރަނީ ވެސް ރަނގަޅަކަށް! މި ކަހަލަ ވާހަކަ ދައްކައިގެން ޣަފޫރުގެ ސިކުނޑި އިތުރަށް ހާސްކުރުވަން ބޭނުންނުވާތީ!” ޖަމީލާ ވާހަކަދައްކަމުން ގެންދިޔައީ މަޑުންނެވެ.
“ވެގެން ތި އުޅޭ ގޮތެއް ދެން ކިޔާބަލަ!”
“ތަންކޮޅެއް މަޑުން ވާހަކަ ދައްކަފާނަންތަ؟ ތި ރުޅިގަނޑު މަޑުކުރީމަ ކިޔައިދޭނީ.” މަސްލަޙަތަށް ވަރަށް ބޮޑަށް އިސްކަންދޭ މީހެއްގެ ގޮތް ދައްކަމުން ޖަމީލާ ގެންދިޔައެވެ.
“ރުޅި މަޑުކޮށްގެން މި އިނީ. ދެން ކިޔާބަލަ!”
“އަހަންނަށް އެނގޭ ޝާދިޔާއަށް ޣަފޫރު ވަރަށް އިތުބާރުކުރާކަން. އެ ކަން ވާނީ ވެސް އެހެން. އެހެންނަމަވެސް ޝާދިޔާއަކީ ރަނގަޅު މީހެއް ނޫން!” ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ޖަމީލާ ވާހަކަދައްކަންފެށިއެވެ.
“ނުވާނެ ތިހެންނެއް!” ޖަމީލާގެ ވާހަކަ މެދުކަނޑައިލަމުން، އަވަސް އަވަހަށް ޣަފޫރަށް ބުނެވުނެވެ. “ޖަމީލާއަކަށް ޝާދިޔާއެއް ނޭނގޭނެ. އޭނާއަކީ ވަރަށް ރަނގަޅު އަންހެނެއް! މާހިރާ ދުނިޔެ ދޫކުރުމުން، މަގޭ ބޮލަށް މި ގެ ވެއްޓުނަ ނުދީ ހިފަހައްޓައިދިން މީހަކީ އޭނާ.”
“މަށަށް އެނގޭ ޣަފޫރު ތިހެންކަން ބުނާނީ ވެސް. އެކަމަކު ކަނޑުގައި ދުއްވާފައި ދާ އުޅަނދެއްގައި އިންނަ މީހަކަށް، ކަނޑު އަޑީގައި ހިނގާ ކަންކަމެއް ނޭނގޭނެ! އެ ތަނުގެ އަނިޔާވެރިކަމާއި ބިރުވެރިކަމެއް ވަޒަނެއް ނުކުރެވޭނެ!”
“ކޮބައިތަ އޭނަ ގޯސްވެގެން ކުރި ކަމަކީ؟”
“މީހެއްގެ ބަސްއަހައި ކިޔަމަންތެރި ދަރިއަކު ހަލާކުކުރުމަށްވުރެ ވަކިން ބޮޑު އަނިޔާއެއް އޮންނާނެތަ؟”
“ސަލީމާ ހަލާކުކުރާ މީހަކީ ޝާދިޔާއޭތަ ތި ބުނަނީ؟”
“މި ވާހަކަ ބުނީމަ ޣަފޫރު ހައިރާންވެ އަންތަރީސްވާނެ! ސަލީމާ ހަލާކުކުރާ ވާހަކައެއް ނޫން މި ބުނަނީކީ. މި ދައްކަނީ ޣަފޫރުގެ އިން ހަމައެކަނި ދަރި ހަލާކުކުރާ ދާ ވާހަކަ.”
“ކީކޭ؟” ޣަފޫރުގެ ދެ ލޯ ބޮޑުވިއެވެ.
“އާނ! މީ ތޯތޯއަކަށް، މީހަކު ބުނި ބުނުމަކަށް ދައްކާ ވާހަކައެއް ނޫން! މީ މަށަށް އެނގިގެން ދައްކާ ވާހަކައެއް!”
“ޖަމީލާ މޮޔަވީތަ؟”
“މަ މި އިނީ ހަމަހޭގަ.”
“ކީއްތަ އޭނަ ކުރަނީ މަގޭ ދަރިފުޅު ހަލާކުކުރަން؟” ޣަފޫރުގެ އަޑު ކުއްލިއަކަށް ބާރުވިއެވެ.
“މާއިޝާ މިހާރު އަހަރެމެން ދެ މައިންނާ ވެސް އަނގައަކުން ނުބުނޭ! ޣަފޫރަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އެ މަންޖެ ދެކެ ލޯބިވާ ވަރު. އަހަރެން ހާދަ ރަނގަޅަށޭ އެ ކުއްޖާއާ ދޭތެރޭ ކަންތައް ކޮށްދެމުން މި އަންނަނީ. އެކަމަކު މިހާރު އެ ކުއްޖާގެ ކުރިމަތީގައި އަހަރެން ނުވޭ، ބިންމަތީގައި އޮންނަ އިސްތައްޓަކަށް ވެސް.”
“ތަންކޮޅެއް ސާފުކޮށް ތި ކިޔާ އެއްޗެއް ކިޔާބަލަ!”
“އަހަރެމެން ދެ މައިންނާ ދިމާއަށް ހިތަށް އެރި އެއްޗެއް މިހާރު މާއިޝާ ބުނެލަނީ. އެ ކަން އެ ގޮތަށް ކުރުވާ މީހަކީ ހަމަ ސީދާ ޝާދިޔާ. އޭނާ ހުންނާނީ އެ ކަހަލަ ކަންކަމަށް ހިތްވަރުދޭން! އަހަރެން މިއިން ވާހަކައެއް ޣަފޫރު ގާތު ނުބުނެ ވޭތޯ ވަރަށް މަސައްކަތްކޮށްފިން. މި ކަހަލަ ކަންކަން އެނގުނީމަ ޣަފޫރު ރުޅި އަންނާނެ މިންވަރު، މަށަށް އިހުސާސްކުރެވޭ. ކިތަންމެ ކެތްތެރި މީހަކަސް، އަމިއްލަ ދަރި ހަލާކުކުރަމުންދާއިރު، މަޑަކުން ނުހުރެވޭނެކަން އެނގޭތީ، ނުބުނެ ކެތްކުރެވޭތޯ މި ބަލަނީ. މާއިޝާއަށް ހާދަ ނަސޭޙަތެއް އަހަންނަށް ދެވިއްޖޭ! މިހާރު ދެން ރަނގަޅަށް އެއްޗެއް ބުންޏަސް، ކުރިމަތީގައި ހަމަ ހަޅޭއްލަވައިގަންނަނީ.” ޖަމީލާ ވާހަކަދައްކަމުން ގެންދެޔައީ، ދެ ލޮލުން ކަރުނަ ބާލަމުން ގިސްލަމުންނެވެ.
ޖަމީލާގެ އެ ވާހަކަތައް އަޑުއަހަން އިންއިރު، ޣަފޫރަށް އިނދެވުނީ ފާޑަކަށް ގަނޑުވެފައެވެ. ހިތަށް ގެންނާން ވެސް ދަތި ވާހަކަތަކެއް ޖަމީލާ ފުށުން އިވެމުންދާތީއެވެ.
“މިއަދު ވެސް އަހަރެން އެ ކުއްޖާ ގާތު ބުނިހައި ވެސް އެއްޗަކީ، ދަރިފުޅޭއޭ، ނިކަން ގޮސް، ކޮޓަރި ސާފުކޮށް މޮޕްލައި ހަދައިލަބަލާށޭ! އެ ކަހަލަ ކަންކަން ދަސްކޮށްދޭން ޣަފޫރު ބުނެފައި އޮންނާތީ ބުނަނީ ވެސް. އެހެން ބުނިހައިރުން މަށާދިމާއަށް އެއްޗެހި ކިޔާގެންފައި ޝާދިޔާއާ އެކު ބަދިގެ ދޮށަށް އެ ދިޔައީ.”
“ކީކޭ ކިޔާފަ އެއްޗެހި ކީ؟”
“ކަލޭ ނުޖެހޭނެޔޯ މަށަށް އަމުރުކުރާކަށް. ތީ މަށަށް އަމުރުކުރަން ކާކުހެއްޔޯ! ތީ ތިމަންނަ ބައްޕަގެ މުދާގަނޑަށް ދަހިވެތިވެގެން މުދާތައް ފޭރިގަންނާން އައިސް އުޅޭ އަންހެނެކޯ. އަހަންނަށް އެނގޭކަމަކީ މީހަކު ކިޔައި ނުދޭންޏާ އެކަހަލަ އެއްޗެހި ކިޔާކަށް އެ ކުއްޖާއަކަށް ނޭނގޭނެކަން. އެ ހުރިހައި އެއްޗެއް އެ ކުއްޖާ ގޮވިއިރު، އެ ޝާދިޔާ ހުރި ދުރުގައި ހިނިއައިސްފައި ބަލަހައްޓައިގެން.”
ހިތުގައި އަޅަމުން ދިޔަ ވޭނެއްގެ ބޮޑުކަމުން، ވާހަކަ ނުދެއްކިގެން ހުއްޓައިލައި ކަހަލަ ގޮތަކަށް ޖަމީލާ ހުއްޓައިލިއެވެ. އެއަށްފަހު މޫނުގައި އަތް އަޅައިގެން އިނދެ ގިސްލަގިސްލާފައި ރޯންފެށިއެވެ. ޣަފޫރަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ބޮލުގައި ރިއްސާފައެވެ. ޖަމީލާ ދެއްކި ވާހަކަތަކާ މެދު ވިސްނި ވަރަކަށް އޭނާގެ ލޭ އައީ ހޫނުވަމުން ކެކެމުންނެވެ. ބޭރުފުށުން މާ ރަނގަޅު މީހަކަށްވެގެން، އެ ވަރުގެ ބޮޑު އަނިޔާއެއް ދޭން ޝާދިޔާ އެ ފެށީ ކީއްވެގެން ބާވައެވެ؟ އޭނާއާ ދޭތެރޭ ހެޔޮކޮށް ހިތައި، އިތުބާރުކޮށްގެން މިހައި ދުވަހު ގެންގުޅުނު ގެންގުޅުމުގެ އަގު އަދާކުރާން، އޭނާއަށް އެނގުނު ގޮތަކީ އެއީ ހެއްޔެވެ؟
“އަހަރެން ޣަފޫރާ ކައިވެނިކުރީ، ޣަފޫރުގެ ފިހާރަ ފެނިގެނެއް ނޫން!” ޖަމީލާ ގިސްލަމުން އަނެއްކާ ވެސް ވާހަކަ ފެށިއެވެ. “އެކަމަކު އެ ހުތުރު ބަދުނާމު މަގޭ ބޮލުގައި މިއަދު އެޅިއްޖެ! އެޅުނީއެއް ނޫން! ނުލަފާ މީހަކު އަޑިގައި ހުރެ، ހޭބުއްދިނުވާ ކުޑަ ކުއްޖަކު ލައްވާ އެޅުވީ. ޣަފޫރު! އަހަރެން…. އަހަރެން މި ގޭގައި އަލިފާން ރޯކުރާ މީހަކަށް ވެގެން، މިތާ އިންނާކަށް ދެން ބޭނުމެއް ނޫން!” ދެ ލޯ ފޮހެލަމުން، ޣަފޫރުގެ ދަލުން ފޯވެފައިވާ މޫނަށް ޖަމީލާ ބަލައިލިއެވެ. “ޣަފޫރު! އަހަންނަށް ކަމެއް ކޮށްދެންޏާ އަހަރެން ވަރިކޮށްލަދީ! ކުރީން ވެސް އުޅުނު ގޮތަށް އަހަރެމެން ދެ މައިންނަށް އަދިވެސް އުޅެވޭނެ!”
ޖަމީލާގެ އަސްލެއް ޙަޤީޤަތެއް ނެތް މަކަރުވެރި ޖުމުލަތައް ޣަފޫރުގެ ލޯމަތީގައި އަޅައި، ރަނގަޅަށް ކަނުބަނދެލައިފިއެވެ. ޙަޤީޤަތް ދެ ލޮލަށް ފަރުދާކޮށްފިއެވެ. ނަތީޖާއަކަށްވީ، ޝާދިޔާއާ މެދު ޣަފޫރުގެ ހިތުގައި ރުޅިވެރިކަމުގެ ހުޅުގަނޑެއް ރޯވެ އަނދާންފެށުމެވެ.
އިރުކޮޅަކު އެހެން އިނދެފައި ޣަފޫރު ފުންމައިގެން ތެދުވެ، ދެ ފަޔަށް ބާރުލާފައި ކޮޓަރިން ނިކުތުމަށް ޓަކައި ހިނގައިގެންފިއެވެ.
“ޝާދިޔާ……! ޝާދިޔާ……!” ޣަފޫރުގެ ރުޅިވެރި އަޑު ގޭތެރޭގައި ގުގުމައިގަތެވެ.
ބަދިގެތެރޭގައި ހުނިގާނަން އިން ޝާދިޔާގެ ކަންފަތުގައި މި އަޑު ޖެހުމާ އެކު، އޭނާގެ ހަރަކާތަށް ހުއްޓުން އެރިއެވެ. އެއީ ޣަފޫރުގެ އަޑު ބާވައޭ ހިތަށް އެރިއެވެ. ގަބޫލުކުރަން ދަތިވިއެވެ. ތިންވަނަ ފަހަރު ގޮވައިލުމުން، އެއީ ޣަފޫރުގެ އަޑުކަން ކަށަވަރުވިއެވެ. އެއާއެކު އަތުގައި އޮތް ކާށިކިބަ އަތުން ދޫވެގެން ތަށީތެރެއަށް ވެއްޓިއްޖެއެވެ.
ބަދިގޭ މޭޒުދޮށުގައި، ހެނދުނާއި ހަވީރުގެ ޒިކުރުތައް ދަސްކުރާން އިން މާއިޝާ ވެސް، ބައްޕަގެ އަޑު އިވިފައި ދިޔައީ ސިއްސައިގެންނެވެ. އޭނާ އިއްޔެއާއި މިއަދު ޝާދިޔާއާ އެކު، ހޭދަކުރާ ވަގުތުތަކުގައި ކުރާ ކަމަކީ އެ ޒިކުރުތައް ދަސްކުރުމެވެ. އެއީ ޝާދިޔާ ބުނެގެން އޭނާ ކުރާ ކަމެކެވެ. ހަސަދައާއި އެސްފީނާގެ ބަސްތަކާއި ކަޅިތަކުން އެ ކުއްޖާ ސަލާމަތްކުރެވޭތޯއެވެ.
“އެއީ ބައްޕަގެ އަޑު ދޯ!” މާއިޝާއަށް ފުންމައިގެން ތެދުވެވުނެވެ.
“އާނ! ވަރަށް ރުޅި އައިސްގެން އުޅޭހެން ހީވަނީ.” ޝާދިޔާ އަވަސް އަވަހަށް ބަދިގޭން ނިކުތެވެ.
“ކޮބާ މާއިޝާ!” ޝާދިޔާ ފެނުމާ އެކު، ހަރުކަށި ރާގަކަށް ޣަފޫރު ސުވާލުކުރިއެވެ. ޣަފޫރުގެ މޫނު ފެނުމާ އެކު، ޝާދިޔާގެ މޭގަނޑު އަނގައިން ބޭރަށް ފުންމާނުލީ ކިރިޔާއެވެ. ރަތްވެފައިވާ މޫނާއި ބޮޑުވެފައިވާ ދެ ލޯ ފެނިފައެވެ.
“ބަދި… ބަދިގޭގައި.” ޝާދިޔާއަށް ހުރެވުނީ، ދެ އަތް ދެ އަތާ ފިތަފިތައެވެ.
“ކަލޭ އަބަދު އެ ކުއްޖާ ގެންގޮސް ބަދިގެއަށް ވައްދައިގެން ކީއްތަ ތި ކުރަނީ؟” ރުޅިއައިސްފައި ހުރިވަރުން ޣަފޫރުގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. “މި ގޭ މަސައްކަތްތައް ކަލެއަށް މިހާރު ކުރެވޭވަރު ނުވަނީތަ؟ އެ ކުއްޖާ ބަދިގެއަށް ވައްދައިގެން، އޭނާ ލައްވާ މަސައްކަތްކުރުވާކަށް ކަލެއަކަށް ނުޖެހޭނެ!” ޣަފޫރުގެ ވާހަކައާއި ރާގު ހުރި ގޮތުން، ޝާދިޔާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރާން ފަށައިފިއެވެ. ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ.
“ބުނަންތަ ޝާދިޔާ! ހީނުކުރައްޗޭ ކަލޭ އުޅޭނެހައި ގޮތަކަށް އުޅޭތަން ބަލަން އަހަރެން ހުންނާނެއޭ. މިހާތަނަށް އަހަރެން ހީކުރަމުން މި އައީ ކަލެއަކީ ވަރަށް ރަނގަޅު އަންހެނެއް ކަމަށް. މިހާ ގިނަ ދުވަހު މި ގޭގައި އުޅުމުން އަހަރެމެންގެ މަސައްޗަށް ކޮންމެވެސް މިންވަރެއްގެ ލޯތްބަކާއި ކުލުނެއް އުފެދޭނޭކަމަށް. އެކަމަކު އާޚިރުގައި މި ވީ އެހެނެއް ނޫން! ހަރުފައަކަށް ކާންދީ ބޮޑުކުރީމަ ވާހެން މި ވީ. ކަލޭ ތި ދިމާކުރީ މަގޭ ދިރިއުޅުމަށް ވިހަލާން!”
ޣަފޫރު ވާހަކަ ދައްކާންފެށި ގޮތުންނާއި، ކުށެއް ނެތި އަޅުވާންފެށި އިލްޒާމުގެ ބޮޑުކަމުން، ޝާދިޔާއަކަށް ކެތެއް ނުވިއެވެ. އިސާހިތަކު ރޮވިއްޖެއެވެ. ކެތްކޮށްކޮށް ހުއްޓާ ބަޑި ފަޅައިގެން ދިޔައީއެވެ.
ޝާދިޔާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުން، ބަދިގޭގައި އިންނާކަށް މާއިޝާއަށް ފަސޭހައެއް ނުވިއެވެ. އޭނާއަށް އަވަސްއަވަހަށް ނިކުމެވުނެވެ. އެ އައި ގޮތަށް އައިސް ޝާދިޔާގެ ގައިގައި ބައްދާލެވުނެވެ. އޭރު މާއިޝާގެ ދެ ލޮލުން ވެސް ކަރުނަ ހިލޭން ފަށައިފިއެވެ.
“ބައްޕާ! ޝާދިޔާ ދައްތައާ ދިމާއަށް ތި ގޮތަށް އެއްޗެހި ނުކިޔާ!”
“މިއީ މާއިޝާއާ ބެހޭ ކަމެއް ނޫން! ހަމަ މިހާރު ދޭ ކޮޓަރިއަށް!”
“ޣަފޫރުގެ އަމުރާ ޚިލާފަށް، އެންމެ ސިކުންތެއް ވެސް ހޭދަކުރާކަށް މާއިޝާއަކަށް ނުކެރުނެވެ. އޭނާ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭރު އެ ކުއްޖާގެ ދެ ލޮލުން ވެސް ކަރުނަ އޮހެމުންދެއެވެ.
“އަހަރެން މިއަދު ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ!” މާއިޝާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން، ޣަފޫރު ވާހަކަ ދައްކަންފެށިއެވެ. މިފަހަރު ޣަފޫރުގެ އަޑު ކުރިއަށްވުރެ މަޑެވެ. އެހެންނަމަވެސް ރުޅިވެރިކަން ކުޑައެއް ނޫނެވެ. “ޝާދިޔާއާ ދޭތެރޭ އަހަރެން މިހައި ހެޔޮކޮށް ކަންތައްތައް ކޮށްދެމުން ދާއިރު، އެ ކަމުގެ ބަދަލު މަށަށް ދޭން ތިޔަ ފެށިގޮތުން، މަ މި ހުރީ ހަމަ ބުނާނޭ އެއްޗެއް ނޭނގިފަ! މަގޭ އިން އެންމެ އަންހެން ދަރިއަކު ހަލާކޮށްލަން ޝާދިޔާ މަސައްކަތްކޮށްފާނޭ ކަމަކަށް މަ ހަމަ ހީ ވެސް ނުކުރަން.”
ޣަފޫރުގެ މި ޖުމުލައާ އެކު މާއިޝާ ދިޔައީ ސިއްސައިގެންނެވެ. ދެ ލޯ ބޮޑުވިއެވެ. އެކަމަށް ވަގުތުން އިންކާރުކުރާން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާއަށް އަނގައިން ބުނާނޭ ފުރުސަތެއް ޣަފޫރު ނުދެއެވެ.
“އަހަންނަކީ އެއްވެސް މީހަކަށް ދެވަނަ ފުރުސަތެއް ދޭނެ މީހެއް ނަމަ ޝާދިޔާއަށް އިތުރު ފުރުސަތެއް ދިނީމުސް. އެކަމަކު އެއީ އަހަރެންގެ އުސޫލެއް ނޫން! އެހެންވީމާ ހަމަ މިއަދުން ފެށިގެން ޝާދިޔާއަށް ޖެހޭނީ މި ގޭން ނިކުންނަން. މި މަހު ކަލޭ މަސައްކަތް ކުރި ދުވަހަށް ވާ ފައިސާ، ފިހާރައަށް ގޮއްސަ ފޮނުވާނަން!”
ރޮއިރޮއި ހުރި ޝާދިޔާއާ ދިމާއަށް ބަލައިލުމެއް ވެސް ނެތި ޣަފޫރު އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ. އޭނާ އެ ދިޔަ ބާރުމިނުގައި، ގެއިން ނިކުމެގެން ހިނގައްޖެއެވެ. ގޭގައި މަޑުކުރާން ބޭނުން ނުވީއެވެ. ފާޚާނާ މަތިން ވެސް ހަނދާން ނެތުނީ ކަންނޭނގެއެވެ.
ޣަފޫރު ގެއިން ނުކުތުމާ އެކު، ސިޓިންރޫމުގައި ހިތާމައިގެ ކުލަ މޫނުމަތީގައި ހާކައި ސިފަ ބަދަލުކޮށްގެން އިން ސަލީމާ ތެދުވެ ނަށައިގަތެވެ. ހީވނީ ދެ އީދު އެއްފަހަރާ އައިސް އޭނާގެ ގައިގައި އޮޅުލައިގެންފައިވާ ހެންނެވެ. އޭރު ނުލަފާ ފާޑަކަށް ހިނިއައިސްފައި ހުރެ، ޖަމީލާ ސިޓިންރޫމަށް ވަންނަނީއެވެ. ސަލީމާއަށް ޖަމީލާ ފެނުމާ އެކު، އެ ދިޔަ ގޮތަށް ގޮސް ބައްދައިގަތެވެ.
“މަންމަ ތީ ހަމަ ބެސްޓް. ވަރަށް މޮޅު.” ސަލީމާގެ އަޑާއި ރާގުން އޭނާ އުފާވެފައި ހުރި މިންވަރު ވަޒަންކުރެވެއެވެ.
“މި ކަން ފަޅާއަރައިފިއްޔާ ދުވަސް ދިޔައީ އިނގޭ!” ޖަމީލާގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ހުރީ ހެވި ދިލިފައެވެ.
“ކީއްވެ ފަޅާއަރަންވީ؟”
“ސަބަބެއް ނެތް!” ދެ މައިން ގޮސް ސޯފާގައި ޖައްސާލިއެވެ.
“ކޮބާ މާއިޝާ؟”
މާއިޝާ ކޮޓަރީގައި އޮވެ ގިސްލަގިސްލާފައި ރޮނީއެވެ. ޝާދިޔާއާ ދިމާއަށް ޣަފޫރު ގޮވި އެއްޗެހި އޭނާއަށް އިވުނެވެ. ގޭން ނިކުންނާން ޝާދިޔާއަށް އެންގި އަޑު އިވުމާ އެކު، މާއިޝާއަކަށް ކެތެއް ނުކުރެވުނެވެ. ބަޑި ފަޅައިގެން ދިޔައީއެވެ. ޝާދިޔާ ދިޔުމުން އޭނާއަށް ކުރިމަތިލާން ޖެހޭނީ ކޮންފަދަ ބަދުނަސީބު ދުވަސްތަކަކާ ކަމެއް ވެސް ނޭނގެއެވެ. ޝާދިޔާއަކީ އޭނާގެ ނުއުފަންނަ މަންމައެވެ. އުފަން މަންމަ ވަކިވެ ދިޔައީއެވެ. ދެން ހުރި މަންމަ ވެސް އޭނާ ދޫކޮށްފައި ދާން ޖެހުނީއެވެ.
ޝާދިޔާދައްތަގެ ކުށަކީ ކޮބައި ބާވައެވެ؟ އޭނާގެ އެއްވެސް ކުށެއް ނެތެވެ. އެއީ ކުށެއް ނެތި އޭނާއަށް ލިބޭ އަނިޔާއެކެވެ. އެއީ ޖަމީލާއާއި ސަލީމާގެ މަކަރުވެރި ރޭވުމެވެ. ޝާދިޔާދައްތަ ގެއިން ބޭރުކޮށްލުމަށް ޓަކައިބައްޕަގެ ބޮލަށް އެރުނީއެވެ.
ޝާދިޔާ އަދި ވެސް ހުރީ ހުއްޓުން އަރާފައެވެ. ޣަފޫރު ނިކުމެގެން ދިޔަ އިރު ވެސް، އެ ހުރި ފިޔަވަޅުމަތީގައެވެ. ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތިކިތައް ވެސް ފުހެލާން ނޭނގިފައެވެ. އޭނާ ބޭނުންވަނީ ނިކަން ރަނގަޅަށް ރޮއިލާށެވެ. ހިތުގެ ގިލަންވެރިކަމަށް ލުޔެއް ލިބޭތޯއެވެ. އެހެންނަމަވެސް އެ ފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހިތަށް ލިބިފައިވާ އަނިޔާގެ ބޮޑުކަމުންނެވެ. ދުވަހެއްގެ ކޮޅުން ވެސް އެ ފަދަ ގޮތަކަށް ޣަފޫރު އޭނާއާ ދޭތެރޭ ކަންތައް ކޮށްފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
“ނިކަމެތި މީހާގަނޑު އަދިވެސް ދާން ނޭނގިފައި ހުންނަނީތަ؟” ޝާދިޔާ ސިހުނީ ޖަމީލާގެ މަލާމާތުގެ އަޑަށެވެ.
ކަރުނައިން ފޯވެފައިވާ ދެ ލޮލުން ޖަމީލާއާ ދިމާއަށް ޝާދިޔާއަށް ބަލައިލެވުނެވެ. ނިކަމެތިކަމާ އެކުގައެވެ. ހަގީގަތުގައި ވެސް އޭނާއަކީ ނިކަމެއްޗެކެވެ. އެ ގެއިން ނިކުމެގެން ގޮސް ވަންނާނެ ތަނެއް މާލެއަކު ނެތެވެ. މިއީ އޭނާގެ ގާތްތިމާގެ މީހަކު އުޅޭތަނެއް ނޫނެވެ. އެ ފަދަ އެހީއެއް ވެދޭ ފަދަ ރައްޓެއްސަކު ވެސް އުޅޭތަނެއް ނޫނެވެ. އެހެންނަމަވެސް މިއަދު އޭނާއަށް ޖެހޭނީ މި ގެއިން ނިކުންނާށެވެ.
“އަޅެ މީ އަޖާބެއް ކަހަލަ އަންހެނެއްނު! ގޭ ވެރިފަރާތުން ނިކުންނާން އެންގީމަ ވެސް ގަދަކޮށްފައި ހުންނަނީތަ؟ ދެ އަތުގައި ހިފައި ދަމާ ނެރެވިދާނެ އިނގޭ!” ޖަމީލާގެ އަޑުގައި މި ފަހަރު ހުރީ ހަރުކަށިކަމެވެ.
ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން ޝާދިޔާ ހިނގައިގަތެވެ. ގޮތް ހުސްވެފައިވާ ނިކަމެއްޗަކު ފަދައިން، އޭނާ ގޮސް ވަނީ އޭނާ އުޅޭ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމާ އެކު، ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ކެތްތެރިކަމުގެ ވާފަށް އަތުން ދޫވީއެވެ. ކޮޓަރީ ފާރުގައި ބޯޖަހައިގެން ހުރެ އެތައް އިރަކު އޭނާ ރުޔެވެ. އޭރު އޭނާގެ ހަނދާނުގެ ފިތާއިން ފެންނަމުން ދިޔައީ، މާހިރާގެ އޯގާވެރި މޫނެވެ. ހިތަށް އަރަމުން ދިޔައެވެ. މާހިރާ ދުނިޔޭގައި އިން ނަމަ މިއަދު ވެސް ޝާދިޔާ އުޅޭނީ އުފަލުގައެވެ. ރުޅިވެރި ބަސްތަކަކުން އޭނާގެ ހިތް ކަތިލާކަށް ޣަފޫރެއް ނާންނާނެއެވެ.
ފާރުގައި ބޯ ޖަހައިގެން ދިހަވަރަކަށް މިނެޓް ޝާދިޔާ ރޯން ހުއްޓެވެ. އެ ފަދައިން ރޯ ރުއިމަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނޭކަން އޭނާއަށް އެނގެއެވެ. އޭނާ އަނެއްކާ ވެސް ދެ ލޯ ފޮހެލިއެވެ. މަޑުމަޑުން ހިނގައިގަތީ އެނދާ ދިމާއަށެވެ. އެނދު ތަންދޮށުގައި ހުރި ފޮށި ނެރުމަށް ޓަކައި އޭނާ ގުދުވިއެވެ. އޭނާގެ ކޮންމެ ފިޔަވަޅެއް، ކޮންމެ ހަރަކާތެއް ފެންނަނީ، ދަތި އުނދަގޫ ގޮތަކަށެވެ. ބުރަ މަސައްކަތެއްގެ ސިފައިގައެވެ.
ފޮށްޓަށް އެއްޗެހި އަޅަމުން ދިޔައިރު، ޝާދިޔާއަށް ވިސްނެމުން ދިޔައީ މާއިޝާއާ ދޭތެރޭގައެވެ. އޭނާ ދިޔުމުން އެ ކުއްޖާ އެކަނިވާނޭ މިންވަރާއި ދެރަވާނޭ މިންވަރު ހިތަށް އެރުމާ އެކުޝާދިޔާގެ ހިތް ކުދިކުދިވިއެވެ. އެ ދަރިފުޅު ދެކެ އޭނާ ހާދަ ލޯތްބެއް ވެއެވެ. އެ ކުއްޖާ ދޫކޮށްލާފައި ދާންޖެހުމަކީ ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ. ފޮށްޓަށް އެއްޗެހި އަޅަމުން ދިޔައިރު، ޝާދިޔާގެ ދެ ލޮލުން އޮހޭ ކަރުނަ އައީ އިތުރުވަމުންނެވެ.
ފޮށްޓަށް އެއްޗެހި އަޅައި ނުނިމި އުޅެނިކޮށް، ކޮންމެވެސް މީހަކު ކޮޓަރީ ދޮރުފަތުގައި ޓަކިޖަހާލި އަޑު އިވިއްޖެއެވެ. އެ އަޑު ކަންފަތުގައި ޖެހުމާ އެކު، ޝާދިޔާ ދިޔައީ ސިއްސައިގެންނެވެ. މޭ ތެޅިގަތެވެ. ހިތަށް އެރީ އެންމެ ގޯސްކޮށެވެ. ބިރުން ހުރެ، އޭނާ މަޑުމަޑުން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ފިރިހެނެކެވެ. ނުދަންނަ މޫނެކެވެ. ތަންކޮޅެއް ދުރުގައި، ޖަމީލާއާއި ސަލީމާ، ދެ ލޯ ދެ ކާށިކިބަހެން ހަދައިގެން ބަލާން ތިއްބެވެ.
“ޣަފޫރު ދެއްވި އެއްޗެއް!” އެ މީހާ ދިއްކޮސްލި ސިޓީއުރާގައި ޝާދިޔާ ހިފިއެވެ. އެއާއެކު އެ މީހާ އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ.
އެއީ ކޮން އެއްޗެއްކަން ޝާދިޔާއަށް އެނގެއެވެ. އެއީ މި މަހުގެ މުސާރައެވެ. ޣަފޫރު ބުނިގޮތަށް އޭނާ ކަންތައް ކުރީއެވެ. ވަޒީފާއިން ވަކިކުރީކަން ޝާދިޔާއަށް މުޅިން ކަށަވަރުވީއެވެ. ޝާދިޔާގެ ކަރުނައިން ތެމިފައިވާ ދެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އޭނާ ނުބަލާން ހުއްޓާ ވެސް، ދުރުގައި ތިބި ދެ މައިންނާ ދިމާއަށް ބަލައިލެވުނެވެ.
“ތީ ކޮން ކޯޗެއް؟” ބޭރުން އައި މީހާ، ގެއިން ނިކުތުމާ އެކު، ހަލުއި ފިޔަވަޅުތަކެއްގައި ޖަމީލާ އައިސް، ޝާދިޔާގެ އަތުން އެ ސިޓީއުރަ ޖަހައިގަތެވެ.
“ތީ… އަހަރެން މި މަހު ކުރި މަސައްކަތުގެ އުޖޫރަ!” ޝާދިޔާގެ އަޑު ތުރުތުރުއަޅައެވެ.
“ފައިސާ ޙައްޤުވާ މިންވަރަކަށް މި މަހު ކަލޭ މަސައްކަތެއް ނުކުރޭ! އެއަށްވުރެ ގިނައިން މި މަހު، މި ގެއިން ކަލޭ ކައިފައި ވެސް ހުންނާނެ! މި ފައިސާއެއް ކަލެއަކަށް ނުލިބޭނެ!”
ޝާދިޔާ ބަހެއް ނުބުނެއެވެ. ޖަމީލާއާ ޖަދަލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަދި އޭނާގެ ކުރިމަތީގައި ނިކަމެތިވާކަށް ވެސް ބޭނުމެއް ނުވިއެވެ. ވަގުތުން ދޮރުލެއްޕީއެވެ.
ތުރުތުރުއަޅަމުން ދިޔަ އަތަކުން ޝާދިޔާ ފޮށްޓަށް އެއްޗެހި އަޅައި ނިންމާލައިފިއެވެ. އަޅާނެ މާ ގިނަ އެއްޗެއް ނެތުމުން، އެ ކަމަކަށް މާ ގިނަ ވަގުތެއް ހޭދައެއް ނުވިއެވެ. އޭނާ ފޮށި ހިފައިގެން، ކޮޓަރިން ނިކުތުމަށް ޓަކައި ހިނގައިގަތެވެ.
ކޮޓަރިން ނިކުތް އިރު، އެއްވެސް މީހަކު ގޭތެރެއިން ފެންނާކަށް ނެތެވެ. ލިބުނު ކާމިޔާބުގެ އުފާ ފާޅުކުރަން ޖަމީލާގެ ދެ މައިން ކޮޓަރިއަށް ވަނީ ކަންނޭނގެއެވެ. ޝާދިޔާ މަޑުމަޑުން ހިނގައިގަތީ، މާއިޝާގެ ކޮޓަރިއާ ދިމާއަށެވެ. އެތައް އަހަރަކު ދިރިއުޅުނު ގެ ދޫކޮށް ދިޔުމުގެ ކުރިން، މާއިޝާގެ މޫނު ދެކިލާށެވެ.
މާއިޝާގެ ކޮޓަރީ ދޮރު ހުރީ ލައްޕާފައެވެ. އޭނާ ގޮސް ދޮރުކައިރީގައި ހުއްޓި، ދެ ލޯ ފޮހެލިއެވެ. ފުން ނޭވާއެއްލައި، ހިތަށް ހަމަޖެހުމެއް ގެނެވޭތޯ މަސައްކަތްކުރިއެވެ. ހިތުގެ ކެކުޅުން މާއިޝާއަށް ދައްކައި، އެ ކުއްޖާގެ ހިތަށް އަނިޔާދޭން ބޭނުންނުވާތީއެވެ.
ކޮޓަރީ ދޮރު ހުޅުވާލުމަށް ޝާދިޔާ އުފުލާލި އަތް ތުރުތުރުއަޅައެވެ. ޝާދިޔާއަށް ވެސް އެ ކަން އިހުސާސްކުރެވުނެވެ. ދޮރުހުޅުވައިލުމާ އެކު، އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ، މޭޒުމަތީގައި ހުރި މާހިރާގެ ފޮޓޯލޯގަނޑެވެ. އެއީ އެހެންޏާ އެތާނގައި ހުންނަ އެއްޗެއް ނޫނެވެ.
މާހިރާގެ ތަސްވީރު ފެނުމާ އެކު، ޝާދިޔާގެ ސިކުނޑިއަށް ވެރިވެގަތީ މާހިރާގެ ހަނދާންތަކެވެ. އެއާ އެކު ދެ ލޯ ފުރިގެން އައެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ކޮޓަރިއަށް ވަދެވުނެވެ. އެ ދިޔަގޮތަށް ގޮސް، އެ ފޮޓޯލޯގަނޑު ނަގައި މޭގައި ޖައްސާލެވުނެވެ. ދެ ލޯ މަރާލުމާ އެކު، ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ބަންޑުންވިއެވެ.
ބާލީހުގައި ބައްދައިގެން އެނދުމަތީގައި ބަނޑުވަތަށް ރޯން އޮތް މާއިޝާއަށް، މީހެއްގެ ގިސްލުމުގެ އަޑު އިވިފައި ބޯ އުފުލައިލެވުނެވެ. އެ ވަގުތު ލޮލުގައި އަޅައިގަތީ، ދުވަހަކު ވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ކޮޓަރިތެރޭގައި ހުރީ، އެ މީހެއް ދެކެ އޭނާ އިންތިހާއަށް ލޯބިވާ ޝާދިޔާދައްތައެވެ. ޝާދިޔާދައްތަގެ ގާތުގައި ހުރީ އޭނާ ގެންގުޅޭ ބާ ހަންފޮށްޓެވެ. އެ ފޮށި އެތައް ވާހަކައެއް އެއްފަހަރާ މާއިޝާގެ ގާތުގައި ބުނެފިއެވެ.
މާއިޝާއަށް އެ މަންޒަރަށް ބަލާން އޮވެވުނީ އިރުކޮޅަކުއެވެ. އެނދުމަތިން ފުންމާލައިގެން އައިސް، ޝާދިޔާގެ ގައިގައި އޮޅުލައިގަތެވެ. އެއާއެކު އެ ކުއްޖާއަށް ރޮވިއްޖެއެވެ.
މާއިޝާ ރޯންފެށުމުން ޝާދިޔާއަކަށް ވެސް ކެތެއް ނުވިއެވެ. މާއިޝާގެ ގައިގައި ބައްދާލައިގެން ހުރެ، އެތައް އިރަކު އޭނާ ރުޔެވެ. އެ ކުއްޖާގެ ގައިގައި ބޮސްދެމުން، ފިރުމަމުން ގެންދިޔައެވެ. ހީވަނީ ކުރިއަށް އޮތް ތަނުގައި، އެ ފަދަ ފުރުސަތެއް ނުލިބޭނެތީ، ހިތްފުރޭވަރު ކުރެވޭތޯ އުޅޭހެންނެވެ.
“ޝާދިޔާ….ދައްތާ! މައި…. މައި….. އެކަނިކޮށްފައި….. ދަނީތަ؟” ގިސްލަމުން މާއިޝާ އަހައިލިއެވެ. “ޝާދިޔާދައްތަ…. ދިޔައިމަ މައި…. ވަރަށް ދެރަވާނެ!”
“ދަރިފުޅާ!” މާއިޝާގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ޝާދިޔާގެ އަތުން ފޮހެލަމުން ލޯތްބާ އެކު ޝާދިޔާ ގޮވައިލިއެވެ. “ދަރިފުޅަކީ… ވަރަށް ކެތްތެރި… ކުއްޖެއްނު!” އަޑު ތުރުތުރުއަޅާވަރުން، ވާހަކަދައްކާކަށް ޝާދިޔާއަކަށް ފަސޭހައެއް ނޫނެވެ.
“ޝާދިޔާދައްތައާ އެކު މައި ވެސް ގެންދޭ!” ޝާދިޔާގެ އަތުގައި ހިފަހައްޓަމުން، އާދޭހުގެ ރާގުގައި މާއިޝާ ބުންޏެވެ.
މާއިޝާގެ އެ އެދުމަށް ދޭނެ ޖަވާބެއް ޝާދިޔާއަކަށް ނުވިސްނުނެވެ. އޭނާއަށް ވީވަރަކީ، އަނެއްކާ ވެސް މާއިޝާގެ ގައިގައި ބައްދައިގަނެވުނީއެވެ. އެއާ އެކު ރޮވުނީއެވެ.
“ޝާދިޔާދައްތާ! ބުނެބަލަ މައި ގެންދާނަމޭ!” ޝާދިޔާގެ ގައިގައި ބައްދައިގެން ހުރެ، މާއިޝާ ވާހަކަ ދެއްކިއެވެ. ރޮމުން ގިސްލަމުންނެވެ.
ޝާދިޔާގެ ކަރުގައި އެއްޗެއް ތާށިވެފައި ހުރި ކަހަލަ އިހުސާސެއް އޭނާއަށް ކުރެވޭން ފެށިއެވެ. އަނގައިން ބުނާކަށް ފަސޭހައެއް ނޫނެވެ. އެހެންކަމުން، އޭނާ މާއިޝާ ގެންގޮސް އެނދުމަތީގައި ބޭންދިއެވެ.
“ދަރިފުޅާ!” ތުރުތުރުއަޅާ އަޑަކުން ޝާދިޔާ ގޮވައިލިއެވެ. “ތީ ވަރަށް ބަސްއަހާ ކުއްޖެއްނު ދޯ! ދަރިފުޅު ހުރިހައި ނަމާދެއް ބަރާބަރަށް ކުރަން ހަނދާން ބައްހައްޓައްޗޭ! މިހާރު ވެސް ތި ކިޔަވާގޮތަށް ކޮންމެ ދުވަހަކު ޤުރުއާން ކިޔަވާތި! ހެނދުނާއި ހަވީރުގެ ޒިކުރުތައް މަތިން އެއް ފަހަރު ވެސް ހަނދާން ނައްތާނުލާތި! މަންމައާއި ބައްޕަގެ ބަސްއަހައިގެން އުޅުނީމަ އެއްވެސް ކަމެއް ދެރަ ގޮތަކަށް މެދުވެރިއެއް ނުކުރައްވާނެ!” މާއިޝާގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުތައް ޝާދިޔާ ފޮހެލައިދިނެވެ. ކޮލަށާއި ނިތްކުރިއަށް ބޮސް ދިނުމަށްފަހު، ޝާދިޔާދައްތަ ދެން ދަނީއޭ ބުނެފައި، އަވަސް އަވަހަށް ފޮށި ހިފައިގެން ކޮޓަރިން ނުކުތުމަށް ޓަކައި އޭނާ ހިނގައިގަތެވެ.
ޝާދިޔާއަށް ކޮޓަރިން ބޭރަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. މާއިޝާ އެނދުމަތިން ފުންމާލައިގެން އައިސް ޝާދިޔާގެ ގައިގައި އޮޅުލައިގަތެވެ.
“ޝާދިޔާދައްތާ! މައި ބައްހައްޓާފައި ނުދޭ!”
ކޮޓަރީގައި އޮތް ޖަމީލާއަށް މާއިޝާގެ ރޮއިގަތް އަޑު އިވިފައި، ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް އައިސް، ކޮޓަރީ ދޮރު ހުޅުވާލައިފައި ބޭރަށް ބަލައިލިއެވެ. އޭނާއަށް ފެނުނީ ޝާދިޔާގެ ގައިގައި އޮޅުލައިގަނެގެން ހުރެ މާއިޝާ ރޯތަނެވެ. އޭނާ ގޮވައިގެން ދާށޭ ކިޔައި، އާދޭސްކުރާ މަންޒަރެވެ. އެ މަންޒަރު ފެނުމާ އެކު ޖަމީލާ ކެކިގަތެވެ.
“އޭތް މިހިރަ ކުއްޖާގަނޑާ! އޭނައާ އެކު ކޮންތާކަށް ދާން ތި އުޅެނީ؟ ހަމަ މިހާރު އޭނާގެ ގައިން ދޫކޮށްލާ!”
ޖަމީލާގެ ބާރު އަޑު ކަންފަތުގައި ޖެހުމާ އެކު، މާއިޝައާއި ޝާދިޔާއަށް ލިބުނީ ސިހުމެވެ. މާއިޝާގެ ހަރަކާތަށް ހުއްޓުންއެރިއެވެ.
“ކަލޭ ދާ ތަނަކަށް ކަލޭ ދޭ! ކޮންމެހެން އޭނާ ގެންދާން އުޅޭނެކަމެއް ނެތް!”
ޖަމީލާގެ އެ ޖުމުލައާ އެކު، ދެ ލޮލުން ކަރުނަ ފޮހެލަމުން، ޝާދިޔާ އަވަސްއަވަހަށް ހިނގައިގެންފިއެވެ. އެ ވަގުތު މާއިޝާއަށް ވެސް ބާރުބާރަށް ހިނގައިގަނެވުނެވެ. ރޮއިގަންނަމުންނެވެ. މި މަންޒަރު ބަލާން ހުޝިޔާރުވެހުރި ޖަމީލާ، ކުއްލިއަކަށް ކުރިއަށް ޖެހިލައި، މާއިޝާގެ އަތުގައި ހިފެހެއްޓިއެވެ. އޭނާއާ ދިމާއަށް ދަމައިގަތުމަށް ޖެހި ލަތްކާ އެކު، މާއިޝާ އަރިއަޅައިލިއެވެ. އެ ކުއްޖާ ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
މި ހިތްދަތި މަންޒަރު ފެނުމާ އެކު، ޝާދިޔާގެ ހިތް ފުނޑުފުނޑުވި ކަހަލައެވެ. ހިތަށް ލިބުނު އަނިޔާއެއްގެ ބޮޑުކަމުން ރޮވުނެވެ. އެ ހިތަށް އިތުރަށް އަނިޔާ ދޭން ބޭނުންނުވާތީ، އޭނާ ދެ ފަޔަށް ބާރުލާފައި ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް ގެއިން ނިކުމެއްޖެއެވެ.
“މިހާރު ހާދަ ލަދުހަޔާތް ވެސް ކުޑަވެއްޖެއޭ ދޯ ކަލޭގެ! އަހަރެންގެ ބަސް މުގުރާލައިފައި ތެޅެގަތް އިރު، އެއްޗެކޭ ހިތަށް ވެސް ނޭރިތަ؟” ދެ ލޯ ބޮޑުކޮށްގެން ހުރެ، މާއިޝާއާ ދިމާއަށް ޖަމީލާ އެތިވަރު ގޮވައިގަތެވެ.
“އާނ! އޭނާ ބޭނުން ގޮތަކަށް އޭނާއަށް އުޅެވޭން ވާނެއެއްނު! އެއީ މުއްސަނދި ބައްޕައެއްގެ އިން އެންމެ ދަރިއެއް ވިއްޔަ!” ކޮޓަރިން ނިކުތްގޮތަށް ސަލީމާ ބުނެލިއެވެ. މަލާމާތުގެ ރާގަކަށެވެ.
“ކިތަންމެ މުއްސަންޖަސް ދެނެއް ބޭނުންހައި ގޮތަކަށް ނޫޅެވޭނެ! ދެން އުޅެންޖެހޭނީ މަ ބުނާ ގޮތަށް. އަދި އެ ރަނޑާލި އަންހެނާއާ އެކު ދާން ވެސް އުޅެފިއޭ! އާނ! އެހެންނު ވާނީ! އެއީ މީނާގެ އަމާ ވިއްޔަ!” ޖަމީލާގެ ދެ ލޯ ބޮޑެވެ. ރާގު ހަރެވެ. ލަފުޒުތައް ވިހަގަދައެވެ.
“މަޑި ދާ ތަނަކަށް ކަށި ދާނެއެއްނު!” އެ ތާނގައި ހުރި ސަރަންފީއަށް ވެއްޓިގަންނަމުން ސަލީމާ ހީނގަތެވެ.
ޖަމީލާގެ ދެ މައިން މާއިޝާގެ ހިތް ކުދިކުދިކުރަމުން ގެންދިޔައެވެ. އެ ފަކީރުގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނައަކަށް، ރޯ ރުއިމަށް ކުޑަ ވެސް ރަހުމެއް ނެތިއެވެ.
އިރުވައި މޫސުމުގެ އަވިގަދަ ދުވަހެއްގެ މެންދުރުފަސް ނިމެމުން ދާ ވަގުތެވެ. މާލޭގެ ހެދިގޮނޑުދޮށް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ދުވަސްވަރަކީ ޗުއްޓީގެ ދުވަސްވަރުކަމުން، މޫދަށް އެރި އުޅޭ މީހުންނާއި ކުދިންތަކުން، އެ ދިމާ މޫދު އޮތީ ރަކަރަކައަޅާފައެވެ. މޫދުގައި ފޯރިއާ އެކު މަޖާނަގަމުން ދާ މީހުންތަކާ ދިމާއަށް ނަޒަރު ހުއްޓާލައިގެން، އެ ތަނުގައި ހުރި ހިލަ ގޮނޑީއެއްގައި ޝާދިޔާ އިނެވެ. މޫދުތެރެއިން ފެންނަމުން ދިޔަ އުފާވެރި މަންޒަރުތަކަށް ނަޒަރު ހުއްޓިފައި ހުރި ނަމަވެސް، އޭނާގެ ސިކުނޑި އޮތީ އުދާސްކަމެއްގެ ތެރޭގައެވެ.
ޝާދިޔާއަށް ވިސްނެމުން ދިޔައީ، މާއިޝާއާ ދޭތެރޭގައެވެ. ޖަމީލާއާއި ސަލީމާ އެ ކުއްޖާއަށް ހަދާނެ ގޮތަކާ މެދު ވިސްނެނީއެވެ. އެ ކަމުގެ ސަބަބުން ހިތަށް ދަތިކަން ލިބެނީއެވެ. މިނިކާ ޖަނަވާރު އުޅޭ ޖަންގައްޔަކަށް، އެހީތެރިއަކާ ނުލައި ތުއްތު ކުއްޖަކު ދޫކޮށްލާފައި އައިސް އިންނަ މަޔަކަށް ކުރެވޭ ފަދަ، ބިރުވެރި، ހިތްދަތި އިހުސާސްތަކެއް އޭނާއަށް ކުރެވެމުން ދިޔައެވެ.
“ދަރިފުޅުމެންނޭ! ދެން އާދޭ!”
ދާދި ގާތުން އަންހެނެއްގެ އަޑު އިވިފައި ޝާދިޔާއަށް ޚިޔާލީ މަންޒިލުން ނިކުމެވުނެވެ. އަޑު އައި ދިމާއަށް އޭނާ މޫނު އަނބުރައިލިއެވެ. ފެނުނީ ޒުވާން ފުރައިގެ އަންހެނެކެވެ. ފެންނަ ފެނުމަށް ފަންސަވީހަކަށް އަހަރުގެ އަންހެނެކެވެ. އޭނާ ބަލަހައްޓައިގެން ހުރީ މޫދާ ދިމާއަށެވެ. ރާޅުފެނުގައި މޫދަށް އެރި އުޅޭ ދެ ކުދިންނާ ދިމާއަށެވެ. ފަސްވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކާއި ތިން ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ.
“މިހާރު އެ އޮތް ހަތަރެއް ޖަހަނީ. ދެން އާދޭ ގެއަށް ދާން!” އޭނާ ހަނާއަޅައިލިއެވެ.
މޫދުގައި އުޅުނު ދެ ކުދީން އެއްގަމަށް އަރައިފިއެވެ. ދުވެލާފައި އައިސް، ލޮނާ އެކު މަންމަގެ ގައިގައި ބައްދާލިއެވެ.
“އަޅޭ! މަންމަ ތި ތެންމާލީނު!” އޭނާގެ ގާތަށް އައީ ހިންޏެވެ. އެ ކުދިންގެ ގައިގައި އޭނާ ބައްދާލިއެވެ. އޭނާގެ ކިބައިން ޝާދިޔާއަށް ފެނުނީ އޯގާވެރިކަވެ.
އެ ދެ ކުދިން ގޮވައިގެން އޭނާ ހިނގައިގަތީ ފެންވަރާތަނާ ދިމާއަށެވެ. އެ ވަގުތު އެ ތަނުގައި ހުރި އަންހެން ކުއްޖާގެ ލޮލުގައި ޝާދިޔާ އަޅައިގެންފިއެވެ. އެ ކުއްޖާ ވަގުތުން ހުއްޓުނެވެ.
“މަންމާ! އޭނދީ މާމަތަ؟” އެ ކުއްޖާ އިޝާރާތްކުރީ ޝާދިޔާއާ ދިމާއަށެވެ. އެ ކުއްޖާ ބުނި ޖުމުލަ ޝާދިޔާގެ ކަންފަތާ ހަމައަށް ވެސް ފޯރިއެވެ.
ތުއްތު ކުއްޖާގެ އެ ޖުމުލަ އިވިފައި، އަންހެން މީހާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެނބުރި ޝާދިޔާއާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އޭނާއަށް ވެސް ކޮންމެވެސް ވަރެއްގެ ސިހުމެއް އައިހެން ހީވިއެވެ. އޭނާ ކަޅިޖަހައިނުލައި ބަލަހައްޓައިގެން ހުއްޓެވެ.
“އެއީ މާމައެއް ނޫން ދަރިފުޅާ! މާމަ ވީ މަރުވެފައެއްނު ދަރިފުޅާ!” ދެ ބޭން ގޮވައިގެން އަވަސްއަވަހަށް އޭނާ ހިނގައިގަތެވެ.
“އެކަމަކު އެ ދައްތަ، މާމައާ ހާދަ ވައްތަރޭ!” މި ފަހަރު އިވުނީ ފިރިހެން ކުއްޖާގެ އަޑެވެ. އެ ތިން މައިންނާ ދިމާއަށް ބަލަހައްޓައިގެން ޝާދިޔާއަށް އިނދެވުނެވެ.
އަންހެން މީހާ އެ ދެ ބެން ގޮވައިގެން ގޮސް ފެންވަރާ ތަނެވެ. ކަންކުރާންވީ ގޮތް އެ ދެ ބެއިންނަށް ކިޔައިދީފައި، އަންހެން މީހާ ހިނގައިގަތީ ޝާދިޔާއާ ދިމާއަށެވެ. ޝާދިޔާއާ ވާހަކަދައްކާލަން އޭނާ ބޭނުންވީއެވެ. އެ ކުދިން ބުނިހެން އޭނާގެ މައިދައިތައާ ޝާދިޔާ ވައްތަރުކަމުންނެވެ.
އެ މީހާ އައިސް ޝާދިޔާ ގާތަށް ހުއްޓި ހިނިތުންވެލިއެވެ.
“ދައްތާ! ކީއްވެފައި ތި އިނީ؟” އަންހެން މީހާ ޝާދިޔާއާ ސުވާލުކޮށްލިއެވެ.
އެ މީހާގެ އޯގާވެރި އަޑު ކަންފަތުގައި ޖެހިފައި ޝާދިޔާއަށް އިސްއޮބައިލެވުނެވެ. ނިކަމެތިކަމާ އެކުގައެވެ.
“ކަމެއް ނުވޭ!”
“ކޮން ފޮށްޓެއް މީ.”
“ތީ ދައްތަގެ ފޮށްޓެއް.”
“ފޮށި ހިފައިގެން އައިސް މިތާ ތި އިނީ ކީއްވެ؟” ޝާދިޔާގެ ގާތުގައި އޭނާ އިށީންނިއެވެ.
“ވަންނާނެ ބޯހިޔާވައްސެއް ނެތިފައި.” ޝާދިޔާގެ ދެ ލޮލުން ކަރުނައިގެ ތެތްކަން ފެންނާން ފެށިއެވެ.
“ދައްތަ ކޮން ރަށެއް؟”
“ހޯރަފުށި.”
“ރަށުންތަ ތި އައީ؟”
“ނޫން! މި ރަށުގައި އުޅުނީ.”
“ދެން….؟ ކޮންތާކު ކުރިން އުޅުނީ؟”
“މަންމާ! ހީކަރުވަނީ…” ދެ ކުދިން ގަޔަށް ފެންއަޅާލައިގެން އައިސް މަންމަގެ ގާތުގައި ހުއްޓުނެވެ. އެ ދެބޭންގެ ނަޒަރު ހުއްޓިފައި ހުރީ ޝާދިޔާއާ ދިމާއަށެވެ.
“އިހަށް މަޑުކޮށްލާ ދަރިފުޅާ! މި ދައްތައާ ވާހަކަދައްކައިލާފައި ދާނީ.” އެ މީހާ ވަރަށް ލޯބިން ދެ ކުދިންގެ ބޮލުގައި ފިރުމައިލައި ގަޔާ ކައިރިކޮށްލިއެވެ.
“ތީ މާމައެއް ނޫން ދޯ!” ކުޑަ މަންޖެ ޝާދިޔާ ގާތުގައި އަހައިލިއެވެ.
“ދަރިފުޅާ! މީ މާމައެއް ނޫނޭ! މާމަ މަރުވިފަހުން މިހާރު މަހެއް ވަނީނު! މި ކުދިންގެ މާމައާ ދައްތައާ ވައްތަރުވީމަ އެހެން އެ ކިޔަނީ.” ޝާދިޔާއާ ދިމާއަށް އަނެއްކާ ވެސް އެ މީހާ ބަލައިލިއެވެ. “ދަރިފުޅުމެން ދޭ އެ ކޮޅަށް ކުޅެލަން.”
އޭނާ އެހެން ބުނެލާއިރަށް ދެ ބެއިން ދުއްވައިގެންފިއެވެ.
“ދައްތަ ކުރިން އުޅުނީ…..”
“މި ރަށު ގެއެއްގައި މަސައްކަތްކުރާން އުޅުނީ. މިހާރު މި އިނީ ގެއިން……ނެރެލާފަ.” ޝާދިޔާގެ އަޑު ތުރުތުރުއަޅައިގަތެވެ.
“އެއީ….؟ ކީއްވެ ނެރުނީ؟” އެ މީހާ ފަހަރަކު ސުވާލެއް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އެއިން ކޮންމެ ސުވާލަކުން ވެސް ކޯދުލަނީ އޯގާވެރިކަމެވެ.
އެ ސުވާލަށް ޝާދިޔާއަކަށް ޖަވާބެއް ނުދެވުނެވެ. ޖަވާބުދޭނެ ގޮތެއް ނޭނގުނީއެވެ.
“ބުނެބަލަ! ކީއްވެ އެ ގެއިން ނެރުނީ؟” އެ މީހާގެ ސުވާލު ތަކުރާރުވިއެވެ.
ޝާދިޔާ ވަރަށް ހިތްވަރުކޮށްފައި، ކަން ހިނގައިދިޔަ ގޮތް ކުރުގޮތަކަށް އޭނާއަށް ކިޔައިދިނެވެ. އެ ފަދަ އޯގާވާރި އެހީތެރިއެއްގެ އެހީތެރިކަން މިއަދު އޭނާ އެބަ ބޭނުންވެއެވެ. އޭނާގެ ކުރިމަތީގައި އެ ހުރީ، އޭނާއަށް ޓަކައި މި ވަގުތު ﷲ ލެއްވި ރަހުމަތެއްކަމުގައި އޭނާއަށް ގަބޫލުކުރެވޭން ފަށައިފިއެވެ.
“ކޮން ނަމެއް ކިޔަނީ؟” ޝާދިޔާ ވާހަކަ ނިންމާލުމުން އިރުކޮޅަކު ހުރެފައި އޭނާ އަހައިލިއެވެ.
“ޝާދިޔާ!”
“އަހަންނަށް ކިޔަނީ ޝައުފާ. ދައްތަ ބޭނުމިއްޔާ އަހަރެމެންގޭގައި އުޅެވިދާނެ! އަހަރެމެންގެއަކު މާ ގިނަ މީހުންނެއް ނޫޅޭނެ!” މައިދައިތައާ ވައްތަރުގޮތެއް ހުރުމުން، ޝާދިޔާ އެ ގެއަށް ގެންދާހިތް ޝައުފާ ވަރަށް ބޮޑަށް ވެއްޖެއެވެ. އިޤުބާލު ވެސް ވަރަށް އުފާވާނެހެން ހީވާތީއެވެ.
ޣަފޫރު އެ ރޭ ގެއަށް އައީ އިރު އޮއްސުނު ފަހުންނެވެ. މަސައްކަތް ނިމިގެނެއް ނޫނެވެ. ހިތް ނުތަނަވަސްވާލެއް ބޮޑުކަމުން، ކަމަކަށްވާ ގޮތަށް ކަމެއް ކުރެވޭގޮތް ނުވުމުން އައީއެވެ. އައިސްފައި ހުރި ޝައިތާނީ ރުޅިގަނޑު ފިނިވުމުން، ހިތަށް މާ ބޮޑަށް އުނދަގޫކުރާން ފެށީއެވެ. އޭނާ ދެ ލޯ ނޭދި އެދޭ ދަރިފުޅާ ދިމާއަށް ރުޅިއައިސްފައި އެއްޗެއް ބުނެވުނީމައެވެ. ޝާދިޔާއާ ދިމާއަށް ދުލަށް އައިހައި އެއްޗެއް ގޮވައި، އެ ވަރުން ނުފުދިގެން ގެއިން ނިކުންނަށް ވެސް ބުނެވުނީމައެވެ.
ޣަފޫރު ގެއަށް އައީ ފިނި ހިތަކާ އެކު ވާހަކަ ދައްކައި ޝާދިޔާއަށް ވެސް ގޯސްކޮށް ކަމެއް ކުރެވޭ ނަމަ، އެ ކަން އެ ގޮތަށް ނުކުރަން ބުނާން ނިންމައިގެންނެވެ. ދަރިފުޅު ގާތަށް ގޮސް، އެ ކުއްޖާގެ ކިބައިން މާފަށް އެދި، އެ ކުއްޖާއާ އެކު މި ރޭގެ ބާކީ ހުރިހައި ވަގުތެއް ހޭދަކުރާން ނިޔަތް ގަނެގެންނެވެ.
ޣަފޫރު އައިސް ގެއަށް ވަންއިރު، ޖަމީލާއާއި ސަލީމާ ތިބީ ސިޓީންރޫމުގައެވެ. ޣަފޫރު ވަންތަން ފެނިފައި، ޖަމީލާ ހިނިތުންވެލިއެވެ. ކޮޅަށް ވެސް ތެދުވިއެވެ. އެހެންނަމަވެސް މާއިޝާގެ ހާލު ދެކެލައިހިތުން ކެތްމަދުވެފައި ހުރި ޣަފޫރަކަށް، މި ދެ މައިން އެ ތަނުގައި ތިބިކަން ފާހަގަކުރެވުނުހެނެއް ހިޔެއް ނުވެއެވެ. ނޫނީ އެ ދެ މީހުން އެ ތާނގައި ތިއްބާ ފެނުމުން އަޅައިނުލީއެވެ. އެ ވަގުތަށް އޭނާއަށް އެ ދެ މީހުން މުހިންމު ނުވީއެވެ.
“މާ އަވަސްއަރުވާލައިފައި ކޮންތާކަށް އެ ދިޔައީ؟” ޣަފޫރު ވަދެގެން ދިޔަތަން ފެނިފައި، ޖަމީލާއާ ދިމާއަށް ސަލީމާ ބަލައިލިއެވެ.
“ނޭނގެ! އަޅައި ވެސް ނުލައި އެ ދިޔައީނު!” ޖަމީލާ ތުން އަނބުރައިލަމުން، ކުރިއަށް ޖެހިލައި ގޭތެރެއަށް ބަލައިލިއެވެ. ފެނުނީ ޣަފޫރު ގޮސް މާއިޝާގެ ކޮޓަރީ ދޮރު ހުޅުވާތަނެވެ.
“މާއިޝާގެ ކޮޓަރިއަށް ގޮސް އެބަ ވަދޭ.” ސަލީމާއާ ދިމާއަށް ބަލައިލުމަށްފަހު، ވައިއަޑުން ޖަމީލާ ބުންޏެވެ.
“އަނެއްކާ ކީއްކުރަންބާ؟”
“ނޭނގެ! އަނެއްކާ ވެސް އެއްޗެހި ކިޔާލަން ތޯއްޗެ!” ވަގު ހިނިތުންވުމަކާ އެކު ޖަމީލާ އައިސް ސޯފާގައި ހަމަޖެހިލިއެވެ.
ޣަފޫރު ގޮސް މާއިޝާގެ ކޮޓަރީ ދޮރު ހުޅުވައި ބަލައިލިއެވެ. މާއިޝާ އެނދުގައި އޮތެވެ. ބިތްދޮށަށް އެނބުރިއެވެ. ނިދާފައިކަމެއް ނުވަތަ ހޭލާކަމެއް ނޭނގެއެވެ.
“ދަރިފުޅާ!” އެނދު ކައިރީއަށް ހުއްޓި، ލޯބިން ފުރިފައިވާ އަޑަކުން ޣަފޫރު ގޮވައިލިއެވެ.
ބައްޕަގެ އޯގާވެރި އަޑު ކަންފަތުގައި ޖެހުމާ އެކު، މާއިޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ތެޅިގެންފައި އަވަސްއަވަހަށް މަގަތަށް އެނބުރެވުނެވެ. ޣަފޫރުގެ މޫނަށް ބަލައިލެވުނީ، އަމިއްލަ ކަންފަތަށް ޔަޤީންކަން ނުދެވި އޮވެ، ބަލައިލާ ފަދަ ގޮތަކަށެވެ.
ޣަފޫރަށް ފުރަތަމަ ވެސް ފެނުނީ މާއިޝާގެ ރަތްވެފައިވާ ދެ ލޮލެވެ. އެ ވަގުތު ޣަފޫރުގެ ހިތް ކުދިކުދިވި ކަހަލައެވެ. ކަރުނުން ދެ ލޯ ފުރުނެވެ. ހިތަށް ކުރި އަސަރު އޮބެހެއްޓޭގޮތެއް ނުވިއެވެ. ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް އެނދުގައި އިށީނދެވުނެވެ.
“ދަރިފުޅާ! ބައްޕައަށް…..މާފުކުރޭ!” ޣަފޫރުގެ އަޑު ތުރުތުރުއަޅައިގަތެވެ.
ބައްޕަގެ ދެ ލޮލުން އޮހިގަތް ކަރުނައާއި މޫނުމަތީން ފެނުނު ހިތާމައާއި އަޑުގައި ހުރި ރިހުން ވަޒަންކުރެވުމާ އެކު، މާއިޝާއަށް ވެސް ރޮވިއްޖެއެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ބައްޕަގެ ގައިގައި އޮޅުލައިގަނެވުނެވެ.
“ބައްޕާ!” މާއިޝާއަށް އަޑުވީއްލާ ރޮވިއްޖެއެވެ.
“ދަރިފުޅާ! ބައްޕައަށް މާ ބޮޑަށް ރުޅިއާދެވުނީ.” މާއިޝާގެ ބުރަކަށީގައި ފިރުމަމުންގެން ދިޔައިރު، ޣަފޫރުގެ އަޑު ވެސް ތުރުތުރުއަޅައެވެ.
ޣަފޫރުގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ، އެތައް އިރަކު މާއިޝާ ރުޔެވެ. ރޮވިފައި އިން ޣަފޫރު އިނީ، މާއިޝާ ރޯނެ ވަރަކަށް ރޯން ފުރުސަތުދީގެންނެވެ. އެ ރުއިމަކީ މި ވަގުތު މާއިޝާގެ ހިތަށް ލިބޭނެ ފަރުވާއެކެވެ. ސިކުނޑިއަށް ލިބޭނެ ލުޔެކެވެ.
މާއިޝާގެ ކޮޓަރިއަށް ޣަފޫރު ވަދެ މާ ގިނައިރުވާން ފެށުމުން، ޖަމީލާގެ ހިތަށް ބަރުވާން ފަށައިފިއެވެ. ހިލަގަނޑެއް އެ ހިތުގައި އޮވެ ބޮޑުވަމުންދާ ކަހަލަ އިހުސާސެއް ކުރެވޭން ފަށައިފިއެވެ. އެންމެފަހުން އޭނާގެ ކެތްތެރިކަން ކޮޅުން ލައިގެން ތެދުވެއްޖެއެވެ.
“ޣަފޫރު ކީއްބާ އަނެއްކާ އެ ކުރަނީ؟”
ޖަމީލާ ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު، ސަލީމާ ވެސް ތެދުވެއްޖެއެވެ. ދެ މައިން ކުރިއަށް ހިނގައިގަތެވެ. ލުއިލުއި ފިޔަވަޅުތަކަކާ އެކު، މާއިޝާގެ ކޮޓަރިއާ ދިމާއަށެވެ.
މާއިޝާގެ ކޮޓަރީ ދޮރު ހުޅުވާފައި ހުރިތަން ފެނުމުން، ޖަމީލާ ބޭނުންވީ ވާނުވާ ބަލާށެވެ. ސަލީމާ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. ޖަމީލާ ސިއްރު ފިޔަވަޅުތަކެއްގައި ގޮސް، މާއިޝާގެ ކޮޓަރިތެރެއަށް ބަލައިލިއެވެ. ފެނުނު މަންޒަރާ އެކު، އޭނާގެ ދެ ލޯ ބޮޑުވިއެވެ. ކުލަ އޮއްސި މޫނުމަތި ތަޣައްޔަރުވިއެވެ. އެ މަންމަޒަރު ބަލާން ހުންނާނޭހައި ހިތްވަރެއް ނުލިބުނެވެ. އަވަސްއަވަހަށް އައި ކޮޅަށް އެނބުރި ހިނގައިގަތެވެ.
“މުޅީން ހަލާކު! ކުރި ހުރިހައިކަމެއް ބޭކާރު!” ސިޓިން ރޫމަށް ވަންގޮތަށް، ބޯ މަތީގައި ދެ އަތް ބާއްވަމުން ޖަމީލާ ފުން ނޭވާއަކާ އެކު ދެ ލޯ މަރައިލިއެވެ.
“ކިހިނެއްވީ؟” ޖަމީލާއަށް އައި ބޮޑު ބަދަލާ އެކު ސަލީމާއަށް އަހައިލެވުނެވެ.
“ހެދި ދޮގުތަކާއި ރޭވި ރޭވުންތައް މި ލީ ފަނުފުލުން.” ސޯފާއަށް ޖަމީލާ ވެއްޓިގަތެވެ. ހީވީ ދެ ފައިން އެއްފަހަރާ ވާގި ދިޔަހެންނެވެ.
“ކިހިނެއްތަ ވީ؟ ކޯއްޗެއް ފެނިގެންތަ މަންމަ ތި އުޅެނީ؟” ސަލީމާ އައިސް ޖަމީލާ ގާތު އިށީންއިރު، އޭނާގެ މޫނުމަތި ވެސް ހުރީ ޚަރާބުވެފައެވެ. ޖަމީލާ ބުނާން އެ އުޅެނީ ކީކޭކަން އޭނާއަށް އެބަ އެނގެއެވެ. އެހެންނަމަވެސް ޖަމީލާގެ ދުލުން ބުނާ އަޑުއަހާލަން ބޭނުންވަނީއެވެ.
“އެ ޣަފޫރަކު އެބަ އުޅޭ މާއިޝާއާ ދިމާއަށް އެއްޗެހި ކިއިގެން އެކަމާ މޮޔަވެގެން! މާއިޝާގެ ގައިގައި ބައްދައިގެން އިނދެ، ފިރުމާއިރަކު ހީވަނީ އެހެން ފަދަ ކަމެއްހެން!” ޖަމީލާގެ އަޑުގައި މަލާމާތާއި ރުޅިވެރިކަން އެކުލެވިފައި ހުއްޓެވެ.
“އަސްލު ވެސް؟”
“އާނއެކޭ! ގަބޫލު ނުކުރެވެންޏާ ގޮސް ބަލައިބަލަ!”
“ކިހިނެއް ތި ވީ؟ މަންމައަކަށް ކަމެއް ނުވިއެއްނު! ދޮގެއް ހަދާކަށް ވެސް ނޭނގުނުތާ!”
“ދެން ވާނީ ވެސް އެހެންނޭ!” އިރުކޮޅަކު އިނދެލާފައި، ސަލީމާގެ މޫނަށް ޖަމީލާ ބަލައިލިއެވެ. އޭރު އޭނާގެ އަޑާއި ރާގަށް ވަނީ ބަދަލު އައިސްފައެވެ. “އަހަރެމެންގެ ގަޅިކަން ބޮޑީ.”
“ކީއްވެ ތިހެން ތި ބުނީ؟”
“މީހަކު އެހައި ލޯބިން ގެންގުޅޭ ދަރިއެއް ދެކެ، އެހައި ފަސޭހައިން ރުޅިއަންނާނެތަ؟ ނާންނާނެ! އެ ކަން މި ފެނުނީ.”
“ދެން ކިހިނެއް ހަދާނީ؟”
“ވިސްނަބަލަ! އެހައި ފަސޭހައިން ހަތިޔާރު ބަހައްޓާކަށް މަންމައަކަށް ނުފެނޭ!”
“އާނ! ކޮންމެވެސް ގޮތެއް ހޯދަންވާނީ! މި ކަން ވާންޖެހޭނެ!”
ޣަފޫރު އަދި ވެސް އިނީ މާއިޝާގެ ކޮޓަރީގައެވެ. މިހާރު މާއިޝާއަށް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާލެވޭވަރު ވެއްޖެއެވެ. ޣަފޫރުގެ ކޮނޑުމަތީން ބޯ އުފުލައިލައި، ޣަފޫރުގެ މޫނަށް އޭނާ ބަލައިލިއެވެ. އޭރު އެ ދެ ލޯ ވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. ކަރުނައިން ތެމި ފޯވެފައެވެ.
“ކޮބާ ޝާދިޔާދައްތަ؟” މާއިޝާ ދެ ލޯ ފޮހެލަމުން، ވަރަށް ލޯބިން ޣަފޫރު އަހައިލިއެވެ.
ޣަފޫރުގެ މި ސުވާލާ އެކު، އަނެއްކާ ވެސް މާއިޝާގެ ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ.
“ހިނގައްޖެ!”
“ދިޔައީތަ؟” ޣަފޫރުގެ ދެ ލޯ ބޮޑުވިއެވެ. “ކޮންތާކަށް ދިޔައީ؟” ގެއިން ނިކުންނަން ބުންޏަސް، ޝާދިޔާ ގެއިން ނިކުމެގެން ހިނގައިދާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
“ނޭނގެ!” މާއިޝާއަށް އަދިވެސް ގިސްލެވެއެވެ.
ޣަފޫރުގެ ބަސް ހުއްޓުނެވެ. އޭނާއަށް ފިކުރެއްގެ ތެރޭގައި އެތައް އިރަކު އިނދެވުނެވެ. އިސް އޮބާލައިގެންނެވެ.
އެ ރޭ ޣަފޫރު ފިހާރައަށް ދިޔުމުން، ޖަމީލާގެ ދެ މައިން އަނެއްކާ ވެސް ތުން ގުޅައިލިއެވެ. ވަރަށް ފުށްކުއްޖެވެ. މައުޟޫއަކީ އާ މައުޟޫއެއް ނޫނެވެ. މާއިޝާ ނިކަމެތިކޮށްލާނެ ގޮތެކެވެ. ގެއިން ބޭރު ކޮށްލާނެ ގޮތެކެވެ. އެ ގެއާއި މުދާގަނޑުގެ މައްޗަށް ވެރިވެގަތުމަށް ޓަކައެވެ. މާއިޝާ ވެސް އެ މީހުން އެ ކިރާލަނީ ޝާދިޔާ ވެސް ކިރާލި ކައްޓާއިންނެވެ.
“މިއަދު މާ ބޮޑަށް ރުޅި އާދެވުނީ. ފަހުން ވަރަށް ދެރަ ވެސް ވި.” ނިދާން އޮވެފައި ޖަމީލާގެ ގާތުގައި ޣަފޫރު ބުނެލިވެ.
“އެ ކަހަލަ ވާހަކަތައް ޣަފޫރަށް ސިއްރުކުރެވެނީ ވެސް ތިހެން ވެދާނެތީ.” ޣަފޫރުގެ ގައިގައި ފިރުމައިލަފިރުމައިލާ އޮތް ޖަމީލާގެ އަޑު ހުރީ، މަސްލަޙަތަށް އިސްކަންދިނުމުގެ ނިހާޔަތުގައެވެ.
“މިއަދު ވަރަށް ނަސޭޙަތް ދީފިން. ދެން އިރާދަކުރެއްވިއްޔާ އެ ކުއްޖާގެ ކިބަޔަކުން އެ ކަހަލަ ކަމެއް ނުފެންނާނެ!”
“އަހަރެން ވެސް ބޭނުންވާ ގޮތަކީ ތީ.” ޣަފޫރަށް ނުފެނުނަސް ޖަމީލާގެ މޫނުމަތީން އުފުލުނީ ފޫއްސާއި ރުޅިވެރިކަމުގެ ބިޔަ ރާޅެކެވެ.
“އަހަރެން ގާތުގައި މިއަދު މާފަށް ވެސް އެދުނު.”
“އެހެންތަ؟” ޖަމީލާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. “ކޮން ކަމަކަށް މާފަށް އެދުނީ؟”
“ޖަމީލާއާ ދިމާއަށް އެއްޗެހި ކިޔުނީމައެއްނު!”
“އެއްބަސްވިތަ؟” ޖަމީލާގެ ދެ ލޯ އަދިވެސް ކުޑައެއްނުވެއެވެ.
“މާފަށް އެދުމަކީ ކުށް ގަބޫލުކުރުންތާ!”
ޖަމީލާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޣަފޫރުގާތު އެއްވެސް ވާހަކައެއް މާއިޝާ ކިޔައިނުދޭކަން ކަށަވަރުވުމުންނެވެ.
“ޝާދިޔާ ފޮނުވައިލެވުނީމަ ވެސް ވަރަށް ދެރަވެފަ މި އޮންނަނީ.”
“އެކަމާ މަ ވެސް ވަރަށް ދެރަވި. އެހެންނަމަވެސް އެއީ ރަނގަޅު މީހެއް ނޫން!”
“ޝާދިޔާ ނެތޭ ކިޔާފަ ގޭތެރޭގެ ކަންކަން ބޮއްސުންލިޔަ ނުދެއްޗޭ!”
“އެ ކަމާ ޣަފޫރު ނުވިސްނާ! ސަލީމާއާއި މާއިޝާ ވެސް އެ ތިބީނު!”
“މާއިޝާއޭ؟ ކިޔެވުން ފެށުނީމަ އެ މަންޖެ ލައްވާ އެއްވެސްކަމެއް ކުރުވައިގެން ނުވާނެ!” ޣަފޫރުގެ މި ޖުމުލައާ އެކު، ޖަމީލާއަށް ވީ ގޮތުން ހީވީ، އޭނާގެ އަނގައަށް ބޮޑު ލުނބޮއެއްގެ ހުތް ފެލައިލިހެންނެވެ.
ޣަފޫރުގެ އެ ޖުމުލަ ވީ، ޖަމީލާގެ ހިތުގައި މާއިޝާއާ މެދު ނަފުރަތުގެ އެތައް ކޮޅިގަނޑެއް އުފެދިގަތް ޖުމުލައަކަށެވެ. އެހެންނަމަވެސް އޭނާ ކެތްތެރިކަން އިސްކުރިއެވެ. ހިތަށް އެރިއެވެ. މިއޮތް ކުރެވުނު ކަމެކެވެ. ހުރިހައި ގޮތަކުން ވެސް މި ލިބެނީ ކެއްސެވެ. ޝާދިޔާ ކުރަމުން އައި މަސައްކަތްތަކާ ހަވާލުވާން ޖެހުނީއެވެ. މާއިޝާ ދެކެ ޣަފޫރު ވާ ލޯބި އޭގެ ނިހާޔަތަށް އެރީއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ޖަމީލާ ބަހަކުން ބަހެއް ނުބުނެއެވެ. އިރުކޮޅަކު އެހެން އޮއްވާ ޣަފޫރަށް ނިދިއްޖެއެވެ. ޖަމީލާއަށް ޖެހުނީ ނިންޖާ ހަނގުރާމަކުރާން އޮންނާށެވެ. އެތައް ދަމެއްވާންދެނެވެ.
ހެނދުނު ހެނދުނާ ހޭލައިގެން ޖަމީލާ ބަދިގެއަށް ވަނެވެ. ސައި ކައްކާ ތައްޔާރުކުރުމަށެވެ. ފަހަރެއްގައި ވެސް އެ ކަން ކުރާން ބޭނުންވެގެނެއް ނޫނެވެ. ހަތިޔާރު ބަހައްޓަން މަޖުބޫރުވެގެންނެވެ. ޣަފޫރުގެ ލޮލުގައި އޮފުގަދަ އަނދުނެއް އަޅުވާން ވެސް ބޭނުންވާތީއެވެ.
ބަދިގެތެރޭގައި އަވަދިނެތި އުޅެމުންދިޔަ އިރު، ޖަމީލާގެ ދެ ލޮލުން ނަގަމުން ދިޔަ ދިލަ ވަނީ ހައްތާ ގަދައެވެ. އިލޮށިގަނޑު ތޫނުކުރަމުން ގެންދިޔަ އިރު، އޭނާގެ ދެ ލޮލަށް ހެރިދާނޭކަމަކަށް ހިޔެއް ނުކުރެއެވެ. އެހެންނަމަވެސް މި ވީ އެހެނެއް ނޫނެވެ. ހެރުނީ ވެސް އެހައި ފުނަށެވެ. ޖަމީލާ ބޭނުން ވަނީ ވީ އެންމެ އަވަހަކަށް އެ އިލޮށިގަނޑު ލުހެލާށެވެ. މާއިޝާގެ ދެ ލޮލަށް ގޯޅައިލާށެވެ. ހިތާމައަކީ މަގެއް ފެންނާން ނެތުމެވެ. އުއްމީދު އައީ ކަނިލަމުންނެވެ.
ޣަފޫރު އަންނާންވާއިރަށް ސައި ތައްޔާރުކުރެވޭތޯ ޖަމީލާ މަސައްކަތްކުރަމުން ދިޔައިރު، ސަލީމާ އޮތީ ފިނިފިނި ކޮޓަރީގެ ރަޖާ ދަށުގައެވެ. މާއިޝާ އިނީ ފަތިސްނަމާދަށްފަހު ޒިކުރުތައް ކިޔައި ޤުރުއާން ކިޔަވާށެވެ. ޝާދިޔާ ގެއިން ނިކުމެގެން ދަމުން ދިން ނަސޭޙަތާއި މަންމަގެ ވަސިއްޔަތް އޭނާ ހަނދާން ނައްތައެއް ނުލައެވެ.
މާއިޝާ ބަދިގެއަށް އައި އިރު، ޖަމީލާ ހުރީ ރޮށިފިހާން ފުށް މޮޑޭށެވެ. ވެދިޔަ ކަންތައްތައް ސިކުނޑީން ބޭރުކޮށްލުމަށްފަހު، ޖަމީލާ ބަލައިލަމުން މާއިޝާ ހިނިތުންވެލިއެވެ. ދޮންމަންމައާ ދޭތެރޭގައި އޭނާ ހިތް ސާފުކަން އަންގައިލުމަށެވެ. އެހެންނަމަވެސް ދޮންމަންމަގެ ފުށުން މާއިޝާއަށް އެ ވަގުތު ފެނުނީ ރުޅިވެރި ދެ ލޮލެވެ. ނަފުރަތުންގެ ކަޅިއެޅުމެކެވެ. މާއިޝާ އަޅައެއް ނުލައެވެ. ސިންކުގައި ހުރި ތަށިތައް ދޮވެލާން ކަމަށް ސިންކު ކައިރިއަށް ޖެހިލިއެވެ.
“ކީއްކުރަން ތި އުޅެނީ؟” ޖަމީލާގެ އަޑުގައި ހުރީ ހަރު ގޮތެކެވެ.
“ތަށިތައް ދޮވެލަން.”
“ނޫނޭ! ނޫނޭ! ތިއިން ތަށްޓެއްގައި އަތް ވެސް ނުލާތި! ތި އަތުން ކަމެއްކުރިކަން ކަލޭގެ ބައްޕައަށް އެނގިއްޖެއްޔާ އަހަރެން މަރައިލާކަށް ވެސް ފަހެއް ނުޖެހޭނެ! ތީ ކިޔަވަން ބަހައްޓާފައި ހުރި ކުއްޖެއް! އަވަހަށް ގޮސް ކިޔަވައިގެން މޮޅު މީހަކަށްވެވޭތޯ ބަލާ!”
ޖަމީލާގެ އަޑުގައި ހުރީ މަލާމާތާއި އާޑަ ފުރައްސާރައިގެ އަސަރެވެ. މާއިޝާގެ ހިތަށް ތަދުވިއެވެ. ދެރަވި ވަރުން ބަދިގޭގައި މަޑުކުރާކަށް ފަސޭހައެއް ނުވިއެވެ. އެ ފަދަ އެހެން ޖުމުލައެއް ކަންފަތާ ހަމައަށް އަންނާން ބޭނުން ނުވާތީއެވެ. އެހެންކަމުން އޭނާ މަޑުމަޑުން ބަދިގެއިން ނިކުމެގެން ގޮސް، ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އެއާ އެކު އޭނާއަށް ވަގުތުން ރޮވިއްޖެއެވެ.
“މި ހެދުނީ ވަރަށް ބޮޑު ގޯހެއްހެން މަންމައަށް ހީވަނީ.” ފުން ޚިޔާލެއްގެ ތެރޭގައި އޮއްވާ، ސަލީމާ އައިސް ކޮޓަރިއަށް ވަންތަން ފެނިފައި ޖަމީލާ މަޑުމަޑުން ބުނެލިއެވެ.
“ކޮބާ ގޯހަކީ؟” ޖަމީލާގެ މަގަތުގައި ސަލީމާ ޖައްސައިލިއެވެ.
“ޝާދިޔާ ގެއިން ފޮނުވައިލުން. މާއިޝާ ކުށްވެރިކޮށް ޣަފޫރު ގާތު ވާހަކަ ދެއްކުން. މިހިރީ ހައްތާ ވެސް ހެދުނު ގޯސްތައް.”
“ކޮބައިތަ ތީގަ ގޯހަކީ؟”
“ދުވާލު ހަތަރުދަމު ނިދަން އޮންނަ މީހަކަށް ވާނުވާއެއް ނޭނގޭނެ.” ތެދުވެ އިށީންއިރު، ޖަމީލާގެ އަޑު ހުރީ ތަންކޮޅެއް ބާރުވެފައެވެ.
“ތަންކޮޅެއް މަޑުން!”
“މިއަދު ވެސް ބަދިގޭގައި ކުރިއްޔާ ކުރި ކަމެއް ކޮށްފައި މި އައީ މި ދެ އަތުން.” ދެ އަތް ސަލީމާއަށް ދައްކާލަމުން ޖަމީލާ ދެ ލޯ ބޮޑުކޮށްލިއެވެ. “ނުވިތާކަށް އެ މާއިޝާއެއް ދެކެ ޣަފޫރު އެހެރަވާ ލޯތްބެއްގެ ވާހަކަ މި ކަހަލަ ފިނި ކޮޓަރިއެއްގައި ދައްކަން ހެޔޮ ވެސް ނުވާނެ!”
“ތި ލޯބި ޣަފޫރުބޭގެ ހިތުން ނެރެ ބޭރުކޮށްލައިގެން ނޫނީ މި ކަމެއް ނުވާނެ!”
“ތީ ވާނެކަމެއް ނޫން!” ޖަމީލާ ބޯ ހަލުވައިލިއެވެ. އޭރު ވެސް ޖަމީލާ އިނީ ފިކުރެއްގައެވެ. “އެބަ އޮތް މޮޅު ގޮތެއް.” ކުއްލިއަކަށް ކަމެއް ހަނދާންވެގެން ތެޅެގަންނަ ކަހަލަ ގޮތަކަށް ޖަމީލާ ތެޅެގަތެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމުގެ ރާގެއް ކުޅެމުން ދިޔައެވެ.
“ކޮން ގޮތެއް؟” މަންމައަށް އައި ބަދަލު ފެނިފައި ސަލީމާ ވަރަށް ގަޔާވެއްޖެއެވެ.
ދުވަހެއްގެ މެންދުރު ކުރީގެ ވަގުތެވެ. ޣަފޫރު ވީ ފިހާރައިގައެވެ. މާއިޝާ ދިޔައީ އިސްކޫލަށެވެ. ޝާދިޔާ ދިޔަފަހުން މާއިޝާ އިސްކޫލަށް ގެންގޮސް ގެނެސް ހަދަނީ ޣަފޫރެވެ. ޖަމީލާ އެ ކަން ކޮށްދޭހިތުން ވަރަށް އުޅުނެވެ. އެހެންނަމަވެސް މާއިޝާގެ ކަންކަން ކުރިއަށްވުރެ ގާތުން ބަލާން ޣަފޫރު މިހާރު ބޭނުންވެއެވެ. ބޮޑުވަމުން އަންނަ އަންހެން ދަރިއަކު، މާ ބޮޑަށް ދޫކޮށްލާފައި ބެހެއްޓުން ގޯހަކަށް ވެދާނެތީއެވެ.
ޖަމީލާއާއި ސަލީމާ ތިބީ ސިޓިންރޫމުގައެވެ. އެ ދެ މައިންގެ ދެމެދުގައި ވަނީ ހަމަހިމޭންކަމުގެ ފުންކަމެވެ. އިރުއިރުކޮޅުން ގަޑިއަށް ބަލައިލާ ގޮތުން ހީވަނީ، ކޮންމެވެސް މީހަކަށް އިންތިޒާރެއް ކުރަމުން ގެންދާހެންނެވެ.
“ހާދަ ލަސްވެއްޖޭ! މިހާރު އެ އޮތް ދިހައެއް ޖަހަނީ. މި ހެން ތިއްބާ ޣަފުރު އަންނަތަން ފެންނާނީ.” ޖަމީލާ އިނީ ކެތްތެރިކަން ކުޑަވެފައެވެ.
“މޫސަބޭ ބުނި ނުވަގަޑި ބައިގައި އަންނާނަމޭ.” ސަލީމާ ވެސް ގަޑިއަށް ބަލައިލިއެވެ.
“ނިކަން އެ މޫސަގަނޑަށް ގުޅައިލަބަލަ!”
“މަންމައަށް ނުކެރުނު ވިއްޔަ މަށަށް ފޯނެއް ވެސް ގަނެދޭން! ބުނާނެ ބޮޑު މުއްސަންޖަކާއޭ އިނދެގެން މި އުޅެނީ.” ކުދިކިޔަމުން ޖަމީލާ ދިއްކޮށްލި ފޯނުގައި ސަލީމާ ހިފިއެވެ. “ލިބިފައި އިން އެންމެ އަންހެން ދަރިއަކަށް ފޯނެއް ގަނެލައި ނުދެވުނު!”
“ކުރީ ދުވަހު ވެސް ބުނިން ކަލެއަށް ފޯނެއް ގަނެދޭށޭ!”
“ދެން ކީކޭ ބުނީ؟”
“މާއިޝާއަކަށް ވެސް ގަނެއެއް ނުދެމޯ.”
“ކިހާ ބޮޑުކަމެއް! މަށަކީ މާއިޝާތަ؟ ނޫނީ އޭނާއާ އެއް އުމުރުގެ މީހެއްތަ؟”
މޫނު ކުނިކޮށްގެން އިނދެ، ނަންބަރަކަށް ސަލީމާ ގުޅަންފެށިއެވެ.
“ކެތްތެރިވެލާ! މި ކަން ކާމިޔާބުވީމަ ތި ހުރިހައި ކަމެއް ހަމަޖެހޭނެ!”
“މޫސަބޭ ހާދަ ލަސްވެއްޖޭ!” މޫސަބޭ ފޯނު ނެގުމާ އެކު ސަލީމާ ވާހަކަ ފެށިއެވެ. “މަންމަ މީނީ މޫސަބޭގެ އިންތިޒާރުގައި.”
“މޫސަބޭ މި އުޅެނީ ތި ގެ ނުފެނިގެންނޭ!”
ގެ ހުންނަތަން މޫސަބެއަށް ސަލީމާ ކިޔައިދޭންފެށިއެވެ. މޫސަބޭ ހުރި ހިސާބު އޮޅުންފިލުވިއެވެ. މޫސަބޭގެ ވާހަކައިން އެނގުނީ އޭނާއަށް އޭރު ހުރެވުނީ، އެ ގެއާ ވަރަށް ކައިރީގައި ކަމެވެ.
ސަލީމާ ފޯނު ބޭއްވިތާ މާ ގިނަ އިރެއް ނުވެއެވެ. ރަނގަބީލު އަޅައިލި އަޑު އިވިއްޖެއެވެ.
“ހާދަ ތަނަވަސް ރީތި ގެއެއްގަ މިހާރު ތި އުޅެނީ.” ގެއަށް ވަދެ ގޭގެ އެކި ދިމަދިމާއަށް މޫސަބޭ ނަޒަރު ހިންގައިލިއެވެ. އޭނާގެ ފަންސާހުން މައްޗަށް ގޮސްފައިވާ މޫނުމަތިންނާއި ވިދުން ކެނޑިފައިވާ ދެ ލޮލުން ފެންނަނީ ހައިރާންކަމެވެ. “މީތަ މިހާރު އުޅޭ ގެއަކީ؟”
“އާނ!” ޖަމީލާގެ އަޑުގައި ހުރީ ފަޚުރުވެރިކަމެވެ.
“ކުއްޔަށް؟”
“ސާބަސް! އެއީ މާޒީއެއް ނޫންތަ؟ މިހާރު މީ ކުރީގެ ޖަމީލާއެއް ނޫނޭ!”
“މީ އަމިއްލަ ގެތަ؟” މޫސަބޭގެ މޫނުމަތީން ހައިރާންކަމުގެ ކުލަވަރު ފެނިގެން ދިޔައެވެ.
“މޫސަބޭ! މީހެއްގެ ނަސީބު އަތުގައި ހިފާނީ ބުނެފައެއް ނޫން!”
“ސަމާސާ ނުކޮށް ބުނެބަލަ! މީ ކޮން ގެއެއްތަ؟”
“މީ ހަމަ މިހާރު މަގޭ އަމިއްލަ ގެ؟”
މޫސަބޭ އިނީ ޖަމީލާގެ މޫނަށް ބަލަހައްޓައިގެންނެވެ. ގަބޫލު ނުކުރެވިގެން އިނދެ ބަލާ ކަހަލަ ނަޒަރަކުންނެވެ.
“ގަބޫލެއް ނުކުރެވުނު ދޯ؟”
“ކިހިނެއް ގަބޫލުކުރާނީ؟ ޖަމީލާ އުޅުނު ހާލު މި ދެ ލޮލުންވިއްޔަ ދުށީ. އަނެއްކާ މީހަކާ އިނީތަ؟”
“މީހަކާއެއް ނޫން! މަހުޖަނަކާ.” ޖަމީލާ މޭ ފުއްޕާލިއެވެ.
“އެހެންދޯ؟” މޫސަބޭ ބޯ ޖަހައިލިއެވެ. “މި ވަރުގެ ތަނަވަސްކަމެއް ލިބުނު ދުވަހު، މޫސަބޭމަތިން ހަނދާންކޮށްލީތީ ވަރަށް އުފާވެއްޖެ!”
“ތި ބުނިހެން ވާނެ ނަމަ ކޮން ފަދަ!”
“ކޮން ހެނެއް؟”
“މި ބޮޑު ގޯތި. މި ރީތި ގެ. ދެ ފިހާރަ. މޫސަބެއަށް އެނގޭތަ؟ މިއީ އަހަރެމެން ދެ މައިންނަށް ފެނިގެން އުޅޭ އަވާމެންދުރެއް!”
“ތި ކިޔާ ފަރިއްސެއް މޫސަބެއަކަށް ދޭހައެއް ނުވޭ!” މޫސަބޭ ބޯ ހަލުވައިލިއެވެ.
“މޫސަބޭ ކޮށްދޭންވި ކަމަކީ މި މުދާގަނޑު އަހަރެމެންނަށް ހޯދައިދޭންވީ. އެކަން ކޮށްދޭން ބުނަން އެ ވަރަކުން މި މޫސަބޭ މި ގެނައީ ވެސް.”
“ކާކާތަ އިނދެގެން ތި އުޅެނީ؟ ކޮން މަހުޖަނަކާތަ؟ އަނެއްކާ ބުރު….”
“މޫސަބޭ ދަންނަންތަ ބާޒާރުމަތީގައި ބޮޑު ފިހާރައެއް ހުޅުވައިގެން ވިޔަފާރިކުރާ އަބްދުލް ޣަފޫރު ކިޔާ މީހެއް؟”
“އާނ! ދަންނަން!” މޫސަބޭ ބޯ ޖަހައިލިއެވެ. “ވަރަށް ގާތްވާނެ!”
“ކީކޭ؟” ދެ ލޯ ދަމައި ވާންކޮށްގެން ހުރެ، ޖަމީލާ ފުންމައިގެން ތެދުވިއެވެ. މޭ ތެޅެގަތް ވަރުން ހީވީ، މޭކަށިތައް މުގުރާލަން މަސައްކަތްފެށިހެންނެވެ. “ޣަފޫރަކީ މޫސަބޭގެ ރައްޓެއްސެއްތަ؟”
“އާނއެކޭ!” މޫސަބޭ އިނީ ލާނެތް ފާޑަކަށް ހިނިއައިސްފައެވެ.
“މާތްކަލާކޯ!” ޖަމީލާއަށް މޭމަތީގައި ދެ އަތް އެޅުނެވެ.
“ލަނޑެއް ލިބިއްޖެތާ!”
“މޫސަބޭ!” ޖަމީލާ ގޮސް، އޭނާގެ ނޭވާ މޫސަބޭގެ މޫނަށް އެޅޭހައި ގާތުގައި އިށީނދެ، މޫސަބޭގެ އަތުގައި ދެ އަތުން ހިފައިލިއެވެ. އޭރު އެ ދެ އަތް ހީވަނީ ވަޅުފެހިކޮޅެއް ހެއްނެވެ. މޫސަބެއަށް އެކަން އިހުސާސްވިއެވެ. “މޫސަބޭ! އާދޭސްކޮށްފަ މި ބުނީ. ޣަފޫރު ގާތު މި ވާހަކަ ނުދައްކައްޗޭ!” ޖަމީލާގެ އަޑާއި ރާގުގައި ހުރީ އާދޭހުގެ ކުލައާއި ރަހައެވެ.
“ތި ވަރުގެ ބޮޑު ކަމަކާ ކުރިމަތިލާ އިރު، ހާދަހައި ހިތްވަރެއް ވެސް ނެތޭ ދޯ!” މޫސަބޭ ބާރަށް ހޭންފެށިއެވެ.
“ހަމަ ރަނގަޅަށް ތި ބުނީ! ހިތްވަރު އެލިއްޖެ!”
“ހިތްވަރެއް ނެތި ބިންވެރިއަކަށް ނުވެވޭނެ!” މޫސަބޭގެ އަޑުގައި ހުރީ ސަމާސާ ރާގެކެވެ.
“މި އިން ކަމެއް ޣަފޫރަށް އެނގިއްޖެއްޔާ، ވަގުތުން އަހަރެން ވަރިކޮށްފައި މި ގެއިން ބޭރުކޮށްލާނެ!” ޖަމީލާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. އަޑުގައި ތުރުތުރެއްގެ އަސަރު އެކުލެވޭން ފަށައިފިއެވެ.
“ހަމަޖެހިބަލަ!” ޖަމީލާގެ ކަރުނައިން ތެމެމުން ދިޔަ ދެ ލޮލަށް މޫސަބޭ ބަލައިލިއެވެ. “އެއީ މަ ސަމާސާއަކަށް ބުނި އެއްޗެކޭ!”
“ތި ބުނީ؟” ދެ ލޯ ބޮޑުކޮށްފައި މޫސަބޭގެ މޫނަށް ޖަމީލާ ބަލައިލިއެވެ.
“މި ބުނީ ތިޔަ ބުނާ ޣަފޫރަކީ އަހަރެން ދަންނަ މީހެއް ނޫނޭ!”
“ދޮގު ނުހަދަބަލަ!”
“ހަމަ ތެދެއް މި ބުނީ. އެއީ އަހަރެން ސަމާސާއަކަށް ބުނި އެއްޗެއް!”
“އެކަމަކު ދެން…… މޫސަގަނޑާ!” މޫސަބޭގެ ކޮނޑުގައި ޖަމީލާ ބޮނޑިއެއް އެޅިއެވެ. “ތިކަހަލަ ކަންތައް ކުރާކަށް ނުވާނެއެއްނު! މަ ކިރިޔައެއްނު މަރުނުވީ!” ދެ ލޯ ފޮހެލަމުން ޖަމީލާ ރަކި ފާޑަކަށް ހޭންފެށިއެވެ. މޫސައާ ބައިވެރިވުމުގެ ގޮތުންނެވެ.
“މާ ކެރޭ މީހަކަށްވެގެން އުޅޭތީ، މަ ހިއެއް ނުކުރަން ތި ވަރު ވާނޭކަމަކަށް! ހޫނ! ދެން ބުނެބަލަ! ކީއްތަ މަ ކޮށްދޭންވީ؟”
“މަޑުކޮށްލާ! ދެން މި ވާހަކަ ފެށޭނީ ފެންކޮޅެއް ބޮއިގެން!” ޖަމީލާ ތެދުވެގެން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
“ފެންކޮޅެކޯ! ދިވެހިބަހުން ރަނގަޅަށް ވާހަކަ ދައްކަން ވެސް އެނގޭ އަންހެނެއް ނޫނޭ!” ހިނިއައިސްފައި އިން ސަލީމާގެ މޫނަށް ބަލައިލަމުން މޫސަބޭ ނިތްއަރުވައިލިއެވެ.
“ހޫނ! އަނެއްކާ ވެސް ހިނގާބަލަ މި ވާހަކަ ފަށަމާ! ޖަމީލާ އައިސް ސޯފާގައި ޖައްސާލިއެވެ. “ދެން ސަމާސާ ކުރަން ނުފަށާތި އިނގޭ! މިހާރު މޫސަބޭ ކޮށްދޭންވި ކަމަކީ، މި ގެއާ ޣަފޫރުގެ ވިޔަފާރިއަށް އަހަރެމެންގެ ބާރު ހިނގާނެ މޮޅު ގޮތެއް ހަދައިދޭންވީ. އެއީ ކޮންދޭންވީ ކަމަކީ.”
“ޖަމީލާއާ ހެދި މަ ހަމަ ހައިރާންވެއްޖައިން. ބަލަ މި ގެއާ ތިޔަ ބުނާ ވިޔަފާރިއަކީ މަގޭ ތަންތަންތަ؟ ތިޔަ ބުނާ ކަންކަން ކޮށްދެވޭނީ ޖަމީލާގެ ފިރިމީހާއަކަށްނު!”
“އަހަރެން މި ބުނަނީ ކީކޭކަން މޫސަބެއަށް އެނގޭނެ! ސަމާސާ ކަނޑާފަ މި ކަން މަށަށް ކޮށްދީ! މޫސަބޭ ހިތްފުރޭވަރު ކޮށްދޭނަން!”
“ތި ކަމެއް ޖަމީލާއަކަށް ނުވާނެ! މަގޭ ހިތް އެއަށްވުރެ މާ ބޮޑުވާނެ!”
“ކިތަންމެ ބޮޑަސް މި ބުނީނު ފުރައިދޭނަމޭ! ދެން ބުނެބަލަ ކޮށްދޭނަމޭ!”
“ހަމަ ތެދަށް މި ބުނަނީ. މިހާރު ތި ކަހަލަ ކަންކަން މޫސަބޭ ކޮށެއް ނޫޅެން!”
“ހުއްޓާލީ؟” ޖަމީލާގެ ކަރު އެލޭގޮތްވިއެވެ. “ކީއްވެ؟ ކީއްވެ ހުއްޓާލީ؟ އެކަމަކު ކިހާ ލާރިއެއް ލިބޭކަމެއް އެއީ.”
“ޖަމީލާއަށް އެނގޭތަ؟ ދުނިޔޭގެ ހަޔާތަކީ ހާދަ ކުރުކުރު ހަޔާތެކޭ! ކިތަންމެ ފައިސާއެއް ހޯދިޔަސް، އެ ހިފައިގެނެއް ނުދެވޭނެ!”
“އައްދޭ! މޫސަބޭ ވެސް މިހާރު ހާދަ ޚުތުބާވެއްޖޭ!” ޖަމީލާ ފާޑަކަށް ހޭންފެށިއެވެ.
“އަޅެ މި ބުނީ ދޮގު ވާހަކައެއްތަ؟ ކިތަންމެ މުދަލެއް ހުއްޓަސް ހުސްއަތާ ދާންޖެހޭނީ.”
“ދެން އެކުން އަނގަ ނުތަޅާ މި ކަން މަށަށް ކޮށްދީ! ހަމަ ހުވާކޮށްފަ މި ބުނީ މި ކަން މަށަށް ކޮށްދީފިއްޔާ ޣަފޫރު ގާތުން ވަރިވެގެން އަހަރެން މޫސައާ އިނދެ ވެސް ފާނަން!”
މުދާގަނޑަށް އެނދުންވެރި ވެފައިވާލެއް ބޮޑުކަމުން، ކިޔޭނުކިޔޭ އެއްޗެއް ވެސް ޖަމީލާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. މޫސަބޭއަށް އިނދެވުނީ ބުނާނޭ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. ހިތަށް އަރަމުން ދިޔައެވެ. އުމުރުން ދުވަސްވަމުން ދިޔަ ނަމަވެސް، ހަށިގަނޑު ބަލިކަށިވަމުން ދިޔަ ނަމަވެސް، ޖަމީލާގެ އުޅުމަކަށް މިޒާޖަކަށް ބަދަލެއް ނާދެއެވެ.
“ޣަފޫރަށް ގެއަށް އާދެވުނީ ހަވީރު ފަހެއްޖަހައި ބޮޑުވިފަހުންނެވެ. ގެއަށް ވަނުމާ އެކު، އޭނާއަށް ކުރެވުނީ ފަޅު ތަނަކަށް ވަދެވުނުކަމުގެ އެކަނިވެރި އިހުސާސެކެވެ. އެ ގެއަކު ދިރުމެއް ނެތެވެ. މީހެއްގެ ހިލަމެއް ބިލަމެއް ނެތެވެ. އެކި ފަހަރު އެކި ދިމާއަށް ކަޅި އުކަމުން ގޮސް، މާއިޝާގެ ކޮޓަރީ ދޮރު ހުޅުވައިލިއެވެ. އޭރު މާއިޝާ އިނީ މޭޒު ދޮށުގައި ފޮތެއް ހިފައިގެން ކިޔާށެވެ. ޣަފޫރު ދޮރު ހުޅުވާލި އަޑު އިވިފައި މާއިޝާ ބަލައިލިއެވެ.
“ދަރިފުޅު އެކަނިތަ؟” ޣަފޫރު ހުރީ ދޮރުމަތީގައެވެ.
“ލައްބަ!”
“ކޮބާ މަންމަމެން؟”
“ބޭރަށް ދިޔައީ. މިހާރު އިރުކޮޅެއް ވެއްޖެ!”
“ދަރިފުޅު ކީއްވެ ނުދިޔައީ؟”
“ފިލާވަޅުތައް ނިންމަންވެގެން!”
މާއިޝާ ދާން ބޭނުންވިޔަސް، އެ މީހުން އޭނާއެއް ނުގެންދާނެއެވެ. މާއިޝާއަށް އެކަން އެނގެއެވެ. އެހެންނަމަވެސް ބައްޕަ ގާތުގައި އެ ވާހަކަ ބުނާން އޭނާ ބޭނުން ނުވީއެވެ.
“ދަރިފުޅު ސައި ބޮއިފިން؟”
“ލައްބަ! ބައްޕަ ސައިބޯނަން؟”
“ބައްޕަ ވެސް ސައި ބޮއިގެން މި އައީ.” ޣަފޫރު ކޮޓަރިއަށް ވަދެ، މާއިޝާގެ ފޮތްތައް ނަގައި ބަލަންފެށިއެވެ. “ދަރިފުޅުގެ ކިޔެވުން ކިހިނެއް؟ ބައްޕަގެ މަސައްކަތްތައް ހުންނަ ގޮތުން މިހާރު ދަރިފުޅުގެ ފޮތްތައް ވެސް ބަލައިނުލެވޭ!”
“އެކައުންޓުން ޓިއުޝަން ނެގޭ ކަހަލަ ގޮތެއް ވެއްޖިއްޔާ….”
“ޓިއުޝަނަކަށް ނުދަމުތަ؟” މާއިޝާގެ މޫނަށް ބަލައިލަމުން، އަވަސްއަވަހަށް ޣަފޫރަށް އަހައިލެވުނެވެ. “މީގެ ހަފުތާއެއްހައި ދުވަސްކުރިން މަންމަ ގާތުގައި ބުނިން ދަރިފުޅު ޓިއުޝަން ކްލާހަކަށް ވައްދާށޭ! ލާރި ވެސް ދިނިން މަންމަ އަތަށް.”
“މަންމަ ހަނދާން ނެތުނީ ކަންނޭނގެ!” މަޑުމަޑުން މާއިޝާ ބުނެލިއެވެ.
“އިރާދަކުރެއްވިއްޔާ މި ރޭ ތި ކަން ހަމަޖައްސާނަން! އުނދަގޫ ހުރިހައި މާއްދާއަކުން ޓިއުޝަން ނަގަންވާނީ.”
ޖަމީލާ ލަސްވެގެން ޣަފޫރު ގުޅި އިރު، ފޯނު އޮތީ ގޭގައި ބާއްވާފައެވެ. ޖަމީލާ އާދޭތޯ އިނދެއިނދެ ނައިސްގެން، އެންމެ ފަހުން ޣަފޫރު ފިހާރައަށް ދިޔައީ އަށެއް ވެސް ޖެހިފަހުންނެވެ. ޖަމީލާއާއި ސަލީމާ ގެއަށް އައީ އަށްގަޑި ބައިވެ ބޮޑުވި ފަހުންނެވެ.
“ކޮންތާކަށް މިއަދު ހަވީރު ދިޔައީ؟” ނިދަން އޮވެފައި ޖަމީލާގެ ގާތުގައި ޣަފޫރު އަހައިލިއެވެ.
“ގޭތެރޭ އިނދެއިނދެ ފޫހިވެގެން ނިކުމެލީ. ހަނދާން ނެތި ފޯނު ވެސް ބާއްވާފައި ދެވުނީ.”
“މާއިޝާ ޓިއުޝަނަށް ވައްދާ ވާހަކަ ބުނީމެއްނު! އެ ކަމާ އަދި ވެސް ނޫޅެން ދޯ!”
“ދޮގެއް ނޫން!” ޖަމީލާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ހަނދާން ވެސް ނެތިފައި މި ހުރެވުނީ. މާދަމާ ތި ކަމާ އުޅޭނަން.”
“ޖމީލާއަކަށް އެ ކަމެއް ނުވިއެއްނު! ދެން އަޅާނުލާ! އަހަރެން މި ރޭ މި އައީ އެ ކަން ހަމަޖައްސާފަ.” ޣަފޫރުގެ އަޑުގައި ހުރީ ނުރުހުމުގެ ރާގެކެވެ.
ޖަމީލާގެ މޫނުމަތި ވަގުތުން ބަނަވި މަންޒަރު ފެނުނެވެ. އޭނާގެ ޚިޔާލީ ލޮލަށް ފެނުނީ މާއިޝާގެ ސޫރައެވެ. އޭނާގެ ހިތް ބުނާންފެށިއެވެ. ކަށަވަރެވެ. އެ ކުއްޖާގަނޑު ޝަކުވާ ކުރީއެވެ. ޖަމީލާއަށް ދަތްކުނޑިވިކައިގަނެވުނެވެ. އެހެންނަމަވެސް އޭނާ އެއްޗެއް ނުބުނެއެވެ. މާދަމާއަށް އިންތިޒާރުކުރަމުން ދެ ލޯ މަރައިލީއެވެ.
ހެނދުނު ހޭލިއިރު ވެސް ޖަމީލާގެ ޠަބީޢަތު ހަމައަކަށް ނޭޅެއެވެ. ސިކުނޑިއަކަށް ލުޔެއް ނުވެއެވެ. އޭނާގެ ކެތްތެރިކަން ވަނީ ކުޑަވެފައެވެ. މާއިޝާއާ ދިމާއަށް އެއްޗެހިކިޔާލައި ހިތްވަނީއެވެ. ހަޅޭއްލަވާލައި ހިތްވަނީއެވެ. ދެރަކޮށްލައި ރޮއްވާލައި ހިތްވަނީއެވެ. އެހެންނަމަވެސް އޭނާއަށް އެ ކަމަށް ފަސްޖެހެވެއެވެ. ޣަފޫރު ގާތުގައި އަނެއްކާ ވެސް ކުޓުވަފާނެއޭ ހިތް ބުނާތީއެވެ. އެޅޭ ފިޔަވަޅެއްގެ ސަބަބުން ނުއަތުރޯޅިއެއް އަރާކަށް ބޭނުމެއް ނުވެއެވެ. އަޅާ ފިޔަވަޅެއް ދެން އަޅާންވާނީ ވަރަށް ވިސްނާފައެވެ.
މާއިޝާއަށް އިސްކޫލުން ގެއަށް އާދެވުނީ މެންދުރުން އަނބުރައި އެއް ގަޑި ބައިވިފަހުންނެވެ. މާއިޝާ ގެއަށް ގެނެސްފައި ޣަފޫރު ދިޔައީ ފިހާރައަށެވެ. ޖަމީލާ ގާތުގައި އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށް ބުނެފައެވެ. ހެނދުނު ފިހާރައަށް ދިޔައިރު ޣަފޫރު ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް މިހާރު ހުރީ ހަމަޖެހިފައެވެ. އެހެންކަމުން ޖަމީލާގެ ހިތަށް ފަސޭހަވިއެވެ.
ނަމާދުކޮށްލައިގެން މާއިޝާ ދިޔައީ ބަދިގެއަށެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ކާންވެގެންނެވެ. އޭރު ޖަމީލާ ބަދިގޭގައި ކޮންމެވެސް މަސައްކަތެއްގައި އުޅެވެ. މާއިޝާ އައިސް ވަންތަން ފެނުމާ އެކު ޖަމީލާއަކަށް ކެތެއް ނުކުރެވުނެވެ.
“ކީއްވެތަ މަށޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ކަލޭގެ ބައްޕަ ގާތުގައި ދައްކަނީ؟” ވިސްނުންތެރިކަމާ އެކު، ނޫނީ ފިޔަވަޅެއް ނާޅަން ނިންމައިގެން ހުރި މީހާގެ ދެ ފައި އޮޅިއްޖެއެވެ. ނާޅަން ހުރި ފިޔަވަޅު އެޅިއްޖެއެވެ.
“މަންމައޭ ކިޔައިގެން އެއްވެސް ވާހަކައެއް މައި ނުދައްކަން!” މާއިޝާ ހުއްޓުންއެރިއެވެ.
“ނުދައްކަމޭ؟” ޖަމީލާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. “ދެން ތި ބުނަނީ ކަލޭގެ ބައްޕައަކީ ވަހީ ބާވައިލައްވާ މީހެކޭ؟ އަދި އެބަ ދޮގުހަދައެއްނު!”
“މައި ދޮގެއް ނުހަދަން!” މާއިޝާ ހުރީ ބިރުގެންފައެވެ.
“މަށަށް އެނގޭ ކަލޭގެ މަގުސަދަކީ ކޮބައިކަން؟ ދެން ނިކަން ތި ހަދަން އުޅޭ ގޮތެއް ހަދާބަލަ!” ޖަމީލާ ބަދިގެއިން ނިކުމެގެން ހިނގައްޖެއެވެ. އެ ތަނުގައި ހުންނާން ވެއްޖިއްޔާ މާ ގިނަ އެއްޗެހި ކިއިދާނެއޭ ހީވީ ކަންނޭނގެއެވެ.
އެ ކަހަލަ އަޑުތައް މިހާރު މާއިޝާއަށް އާ އަޑުތަކަކަށް ނުވެއެވެ. އެ އަޑުތަކާއި އެ ކަޅި އެޅުންތަކާއި ތުންފިއްތުންތަކަށް އޭނާގެ ދެ ލޮލާއި ކަންފަތާއި ސިކުނޑި ވަނީ ހޭނިފައެވެ. ހިތަށް އަސަރުކުރިޔަސް، ދެ ލޮލުން ކަރުނައެއް ނާދެއެވެ. ބައްޕަގެ ދިރިއުޅުން ހަލާކުކުރާ ކުއްޖަކަށްވާން ބޭނުންނުވާތީ، އެއިން އެއްވެސް ވާހަކައެއް ބައްޕަ ގާތުގައި ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ.
“މިހާރު ވަރަށް ބޮޑަށް އެބަ ޖެހޭ މިކަމަކާ އުޅެން.” ސަލީމާ ޓީވީ ބަލާން އިންދާ ޖަމީލާ ގޮސް އޭނާގެ ގާތުގައި ޖައްސާލިއެވެ. “ޣަފޫރުބޭ މަންމަ ދެކެ ރޭ ރުޅި ވެސް އަތުވެއްޖެ!”
“ކޮން ކަމަކާ؟”
“ރަންދަރި ކުޓުވީ.” ޖަމީލާ އިނީ ތުންދަމައި ވާންކޮށްގެންނެވެ. “ހިނގާ މޫސަބެއަށް ގުޅަން.”
“އޭނަ އެ ބުނީނު އެ ކަހަލަ ކަންކަމެއް މިހާރު ނުކުރަމޭ.”
“އެއީ ދޮގެއް! މަ ހުރިހައި ކަމެއް ބަލައިފިން. މިހާރު ވެސް އޭނަ އެކަންކުރޭ! އެ އުޅެނީ ބޮޑު އަގެއް ކިޔަން. ހެޔޮ ކިތަންމެ ބޮޑު އަގެއް ކިޔަސް. ކުރުވާނަން!”
“މަންމަ އަޅެ ގުޅާފަ ވާހަކަ ދައްކަބަލަ!”
އެ ދުވަހު މާއިޝާ ޓިއުޝަނަށް ދިޔުމުން ޖަމީލާ އަވަސްވެގަތީ މޫސަބެއަށް ގުޅާށެވެ. މިހާރު ގޭތެރޭގެ މިސްރާބު ހިފާފައި ހުރި ދިމާއިން ޖަމީލާއަށް ފެންނަނީ ބިރުވެރިކަމެވެ. ނާމާންކަމެވެ. ކޮންމެވެސް ގޮތަކުން، މިސްރާބު ބަދަލުކުރާން އެބަ ޖެހެއެވެ. އެހެންނޫނީ މުޅި އުމުރު ހިތާމައިގެން ޖަންގައްޔެއްގައި ހޭދަކުރާން ޖެހިދާނެއެވެ.
“ބުނަންތަ މޫސަބޭ! މަގޭ ދުވަސް ނުދަނީސް މި ކަމުގައި މަށަށް އެހީތެރިވެދީ! ހެޔޮނުވާނެ!” މޫސަބޭ ފޯނު ނެގުމުން ޖަމީލާ އާދޭސްކުރާންފެށިއެވެ.
“ޖަމީލާ މިހާރު ހާދަ ކެތްތެރިކަން ވެސް ކުޑަވެއްޖޭ ދޯ!” މޫސަބޭގެ އަޑުގައި މި ފަހަރު ސަމާސާގެ ކުލައެއް ނެތެވެ.
“ކެތްތެރިކަން ކުޑަނުވާވަރެއްތަ؟”
“ބުނަންތަ ޖަމީލާ! ފަންޑިތަ ސިހުރަކީ ކުޅޭކުޅޭ އެއްޗެއް ނޫން! ކެތްތެރިކަން ނެތިއްޔާ އިތުރަށް ތި ވާހަކަ ދައްކަން ނުހަދާ!”
މޫސަބޭގެ މި ޖުމުލައާ އެކު ޖަމީލާގެ ބަސް ހުއްޓުނެވެ. މައިތިރިވެއްޖެއެވެ. ހުސްވަގުތުކޮޅެއް ހޭދަވެއްޖެއެވެ. ޖަމީލާގެ ނޭވާގެ އަޑު ފިޔަވައި އިތުރު އަޑެއް މޫސަބެއަކަށް ނީވެއެވެ.
“މޫސަބޭ!” މި ފަހަރު ޖަމީލާގެ ރާގު ހުރީ ބަދަލުވެފައެވެ. މައިތިރިވެފައެވެ. “މޫސަބޭ! އާދޭސްކޮށްފަ މި ބުނީ! މަށަށް މި ކަން ކޮށްދީ! މަށަށް އެނގޭ މޫސަބޭ މިހާރު ވެސް އެ ކަހަލަ ކަންތައް ކޮށްދީ އުޅޭކަން. އެހެންވީމަ މި ވަރަށް މި ކިޔެނީ. މިހާރު ކަންތައް މި ދާގޮތުން ހީވަނީ ދުވަސްކޮޅަކުން ޣަފޫރު އަހަރެން ވަރިކޮށްލަފާނެހެން! އޭގެ ކުރިން މި ކަން ނިންމަން އަހަރެން ބޭނުން.”
“މި ކަހަލަ ވާހަކަ ފޯނަކުން ނުދެއްކޭނެ! އިތުރަށް ތި ވާހަކަ ދައްކަން ބޭނުމިއްޔާ ކޮންމެވެސް ވަގުތަކުން ތި ދެ މައިން މި ގޭދޮށަށް ޖައްސާލަބަލަ!”
ހަވީރު ފަހެއްޖަހައި އެހައިކަންހައި އިރެވެ. ޖަމީލާއާއި ސަލީމާ ވަރުގެކޮޅަށް ނަލަހެދިލައިގެން ގެއިން ނިކުމެއްޖެއެވެ. ހެދިލާފައި ހުރިވަރުން، ސަލީމާއަށްވުރެ ޖަމީލާގެ ދެއްކުންތެރިކަމާއި ޗާލާކަން ބޮޑެވެ. ޖަމީލާއަކީ ކުރިން ހައުސްކޯޓު ކަހަލަ ދިގުކޮށް ހުންނަ އާދައިގެ ހެދުން ލައިގެން އުޅުނު މީހެކެވެ. އެހެންނަމަވެސް މިއަދު އެ ހެދުންތައް އޭނާ އުކާލައިފިއެވެ. އެ ހަށިގަނޑަށް މިހާރު މަހާލެވެނީ، ގަޔަށް ބާރު ޒަމާނީ ހެދުމެވެ. އޭނާގެ ދުވަސްވީ ހަށިގަނޑާ އެ ހެދުމާ ނުގުޅުނަސް، އޭނާގެ “ޒުވާން” ހިތާ، އެ ހެދުންތައް ވަނީ ލާމެހިފައެވެ. ތުންފަތާއި މޫނުގައި ހާކައިފައިވާ ކުލަތައް ވެސް އެ މޫނާ ގުޅުވަން ޖެހެނީ ގަދަކަމުން ދަނޑިމާރު އަޅައިގެންނެވެ.
ޖަލީމާއާއި ސަލީމާ ގޮސް މޫސަބޭމެން ގެއަށް ވަންއިރު، މޫސަބޭ އިނީ އޭނާގެ ރަސްމީ ކޮޓަރީގައެވެ. އޭރުވެސް އޭނާގެ ގާތުގައި ދެ މީހަކު ތިއްބެވެ. ކޮންމެވެސް މުހުތާދަކައިގެން އައިސް ތިބި ދެ މީހެކެވެ. ޖަމީލާގެ ދެ މައިން ފެނުމުން އިށީންނަން މޫސަބޭ ބުންޏެވެ. އިރުކޮޅަކުން އެ ތަނުގައި ތިބި ދެ މީހުން ނުކުމެގެން ހިނގައްޖެއެވެ.
“ހޫނ! ދެން މި ވާހަކަ ދައްމާ ހިނގާބަލަ!” އެ ދެ މީހުން ދިޔުމާ އެކު ޖަމީލާ ތެދުވެގެން ގޮސް މޫސަބޭ ގާތުގައި އިށީނދެ ހަމަޖެހިލިއެވެ.
“ޖަމީލާ ތި ދައްކާ ވާހަކައާ މެދު އަހަރެން ވަރަށް ބޮޑަށް ވިސްނައިފިން.” މޫސަބޭ ވާހަކަ ފެށިއެވެ.
“ވިސާނާފަ ކޮން ގޮތަކަށް ތި ނިންމީ؟” އަވަސްއަވަހަށް ޖަމީލާއަށް އަހައިލެވުނެވެ.
“ކޮށްދޭން މި ނިންމީ.”
މޫސަބޭގެ މި ޖުމުލައާ އެކު ޖަމީލާއާއި ސަލީމާގެ މޫނުމަތި އަލިވެގެން ދިޔައެވެ. ހިނިއައިލެއް ބޮޑުކަމުން ޖަމީލާގެ ހުރިހައި ދަތެއް ވެސް ފެނުނު ކަހަލައެވެ.
“ހާދަ ރަނގަޅޭ! މޫސަބޭ ތީ ވަރަށް ރަނގަޅު މީހެއް! އަވަހަށް މަސައްކަތްފަށަމާ ހިނގާ!”
“އެހައި ފަސޭހައެއްކޮށް މަސައްކަތެއް ނުފެށޭނެ! އަދި މަ ކުރަންވީ ކޮންކަމެއް ކަމެއް ވެސް ނުބުނަމެއްނު!”
“ކުރަންވީ ކަމެއް އެނގޭނީ މޫސަބެއަށް. މަ ބޭނުންވަނީ އެ ގެއަށް މަގޭ ބާރު ހިނގަން. އެ ފިހާރަތަކަށް މަގޭ އަމުރު ހިނގަން. އަމިއްލަ ތަންތަނަށް ވާން!”
“ތީގަ އެބަ އޮތް އެއްގޮތަށްވުރެ ގިނަ ގޮތް!” އިރުކޮޅަކު ވިސްނައިލާން އިނދެފައި މޫސަބޭ ބުންޏެވެ. “އެއް ގޮތަކީ ތިޔަ ބުނާ މަންޖެ ތިޔަ ގެއިން ބޭރުކޮށްލުން. އަނެއް ގޮތަކީ ޣަފޫރު އެ ގެއިން ފައްސާލުން. އަނެއް ގޮތަކީ އެ ދެ ބަފައިންގެ ވަސް ދުނިޔެއިން ފޮހެލުން. މި ތަނުން ކޮން ގޮތެއް ޖަމީލާ ބޭނުންވަނީ؟’
މޫސަބޭގެ މި ސުވާލާ އެކު ޖަމީލާ ބަލައިލީ ސަލީމާގެ މޫނަށެވެ. ނިތް އަރުވާލައި މޫނަށް ގެނައި ލުއިލުއި ހަރަކާތުން ހަދަންވީ ކިހިނެއްތޯ އަހައިލިއެވެ. އޭރު ޖަމީލާގެ މޫނުމަތީން ފެންނާން ހުރީ ކާމިޔާބުގެ އުފާވެރިކަމެވެ.
“މަންމައަށް ފެންނަ ގޮތެއް ބުނެބަލަ!” ސަލީމާ ދޫކޮށްލީ މަންމައަށެވެ.
“ދެ ބަފައިން ވެސް ދުއްވާލަންވީ!” އިރުކޮޅަކު ވިސްނާން އިނދެފައި، އެއްވެސް ޖެހިލުމެއް ނެތި ޖަމީލާ ބުނެލިއެވެ. “އޭރުން އެއިން ތަނަކަށް ބާރު ހިންގޭނެ އިތުރު މީހަކު ނުހުންނާނެ!”
“ޖަމީލާއަށް އެނގޭ ދޯ ތި ބުނެވުނީ ކީކޭކަން؟” މޫސަބޭ އަހައިލިއެވެ.
“އާނ! ކިހިނެއްވީ؟ އެ ގޮތަށް އެކަން ނުކުރެވޭނީތަ؟”
“ނޫނޭ! ތީ އެއްވެސް ކަމެއް ނޫން!” ޔަޤީންކަމާ އެކު މޫސަބޭ ބުންޏެވެ. “އެކަމަކު މޫސަބޭގެ އެބަ އޮތް ދެ ޝަރުތެއް. އެ ދެ ޝަރުތާ ތި ދެ މައިން އެއްބަސްވެއްޖިއްޔާ ހަމަ މިހާރު ވެސް މަސައްކަތަ ފަށާން އަހަރެން މި އިނީ ތައްޔާރަށް.”
“ކޮން ދެ ޝަރުތެއް؟ އަވަހަށް ބުނޭ! މޫސަބޭގެ ކޮންމެ ޝަރުތަކާ ވެސް އަހަރެމެން ރުހި ގަބޫލު! ދޯ ދަރިފުޅާ!” ޖަމީލާ ދިން ދޯގައި ސަލީމާ ހިފައި، އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.
“ޖަމީލާމެން އަތުން އެންމެ ފައިސާފޮއްޗެއް ވެސް އަހަރެން ބޭނުމެއް ނޫން!”
“ދެން…؟”
“ތިޔަ ގޯތީގެ ތިންބައިކުޅަ އެއް ބައި މޫސަބެއަށް ލިބެންޖެހޭނެ!”
“ތިންބައިކުޅަ އެއްބައި؟” ޖަމީލާ ވިސްނައިލިއެވެ. ހިތަށް އެރިއެވެ. ހާދަ ބޮޑު ބަޔެކެވެ. އެ ވަރު ތަންކޮޅެއް ބޮޑެވެ.
“ކަމު ނުދިޔައީ؟”
“ހަތަރުބައިކުޅަ އެއް ބައި……؟”
“ތިހިރީ ވަން ދޮރު!” މޫސަބޭ ވަގުތުން އިންޒާރުދިނެވެ.
“އެންމެ ރަނގަޅު! އެންމެ ރަނގަޅު!” ޖަމީލާ ތެޅިގަތެވެ. “ތިން ބައިކުޅަ އެއް ބައި ދޭނަން! ތި ޝަރުތާ އެއްބަސް. ލިޔުމުގައި ސޮއިކުރަން ވެސް މި އިނީ ތައްޔާރަށް.”
“އަދި އެއް ޝަރުތު އެބަ އޮތޭ! ދެވަނަ ޝަރުތަކީ…..” މޫސަބޭ ބަލައިލީ ސަލީމާގެ މޫނަށެވެ.
“ކޮބާ ދެވަނަ ޝަރުތަކީ؟”
“މި މަންޖެގެ ކައިވެނި.”
މޫސަބޭގެ އެ ޖުމުލައާ އެކު ސަލީމާ ދިޔައީ ސިއްސައިގެންނެވެ. ދެ ލޯ ބޮޑުވިއެވެ. އެ ވަގުތު ޖަމީލާއަށް ވެސް ސިހުން ލިބުނެވެ. ހީ ވެސް ނުކުރާ ކަހަލަ ޝަރުތެއް މޫސަބޭ ހުށަހެޅުމުންނެވެ. އޭނާއަށް އަވަސް އަވަހަށް ސަލީމާގެ މޫނަށް ބަލައިލެވުނެވެ.
ސަލީމާ އިން ގޮތް ފެނިފައި ޖަމީލާގެ ބަސް ހުއްޓުނެވެ. މަގު ބެދުނުކަމުގެ އިހުސާސެއް ކުރެވުނެވެ. އެހެންނަމަވެސް އެހައި ފަސޭހައިން، ގޮތް ހުސްވެގެން ވާކަށް ނޯންނާނެއެވެ. އެހެންކަމުން އޭނާ ވަގުތުން މޫނުމަތި އޮމާންކޮށްލިއެވެ. ހިނިތުންވެލިއެވެ.
“ތީ އެއްވެސް ކަމެއް ނޫން! ދޯ ދަރިފުޅާ!” ޣަފޫރުގެ ގެއާއި މުދާގަނޑަށް ވެރިވެފައިވާ ދަހިވެތިކަމެއްގެ ބޮޑުކަމުން، ޖަމީލާގެ ހިތާއި ސިކުނޑި ވަނީ ތަޣައްޔަރުވެފައެވެ.
ސަލީމާ އަދިވެސް އިނީ ހުއްޓުން އަރާފައެވެ. ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށް އައިސް، އޭނާގެ މެޔަށް ވަޒަނެއް އެރުމުންނެވެ. އެ ފާޑަށް އައިސް އޭނާގެ މޭ ތޮރުފާލަފާނޭ ކަމަކަށް، އޭނާ ހިޔެއް ނުކުރެއެވެ. އެހެންކަމުން އޭނާގެ ސިކުނޑި މި ވަގުތު މަސައްކަތެއް ނުކުރެއެވެ. މޫސަބޭ ފޮނުވާލި ހަމަލާއިން މެޔަށް އެރި ތަދެއްގެ ވޭން ގަދަކަމުންނެވެ.
“ދަރިފުޅާ! ދެން އަވަހަށް މޫސަބޭގެ ކުރިމަތީގައި ކައިވެންޏަށް އެއްބަސްވެބަލަ!” ޖަމީލާގެ ކެތްތެރިކަން ކުޑަވެފައިވާ ދެ ލޮލުން ސަލީމާގެ މޫނަށް ބަލަންފެށިއެވެ.
ޖަމީލާ ބުންޏެއްކަމަކު އެހައި ފަސޭހައިން އާނއެކޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ސަލީމާއަކީ އަދި އެންމެ ސަތާރަ އަހަރުގެ ކުއްޖެކެވެ. މޫސަބޭއަކީ ފަސްދޮޅަހަކަށް އަހަރުގެ މުސްކުޅިއެކެވެ. ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބުނަސް، އެ ފަދަ މީހެއްގެ އަނތްބަކަށް ވާން އާނއެކޭ ބުނެވޭނެ ހެއްޔެވެ؟
ކޮންމެއަކަސް އެ ދުވަހު މޫސަބޭގެ ގެއިން، އެ ދެ މައިން ނިކުތީ، ވަކި ގޮތެއް ނުނިންމައެވެ. ސަލީމާ އެއްވެސް ޖަވާބެއް ނުދިނުމުން، ޖަމީލާ ބޭނުންވީ މި ވަގުތު ގެއަށް ދާށެވެ. ގެއަށް ގޮސް ސަލީމާއަށް ވިސްނައިދީ، ކައިވެންޏަށް އެއްބަސްކުރުވައިގެން އެނބުރި އަންނާށެވެ. އޭނާ ވާހަކަ ދެއްކުމުން ސަލީމާ ގޮތްދޫކޮށް، އެއްބަސްވާނޭކަމަށް އޭނާގެ ހިތް ބުނެއެވެ. އެ ހިތް ދޮގެއް ނުހަދާނެއެވެ.
“ކަލޭމެން ދެން ގޮތެއް ނިންމާފަ މޫސަބެއަށް އަންގާ! އޭރުން ވަގުތުން މަސައްކަތް ފަށާނަން!” ޖަމީލާ ތެދުވުމުން މޫސަބޭ އެންމެ ފަހު ބަހަކަށް ބުނެލިއެވެ. ޖަމީލާ ބޯ ޖަހާލައިފައި ގޮސް، އެ ގެއިން ނިކުތެވެ. އޭރު ސަލީމާ ހުރީ ނިކުމެ ބޭރުގައެވެ.
“މަށެއް ނީންނާނަން އޭނައަކާ!” ގެއަށް ގޮސް ޖަމީލާ އެ ވާހަކަ ފެށުމުން، ސަލީމާ ވަގުތުން އެ ކަމަށް އިންކާރުކުރިއެވެ.
“ތިހެން ނުބުނޭ ދަރިފުޅާ! މި ރޭ ރަނގަޅަށް ވިސްނާލައިފައި މާދަމާ މަންމަ އުފާވާ ކަހަލަ ޖަވާބެއް ދީ!” ޖަމީލާގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.
“މަ ވިސްނައިފިން! އިތުރަށް ވިސްނާނެ އެއްޗެއް ނެތް!” އެ ކަމާ ދޭތެރޭ އިތުރަށް ވިސްނާކަށް ވެސް ސަލީމާ ބޭނުމެއް ނުވެއެވެ.
“ދަރިފުޅާ! ތިހެން ނުބުނޭ! ތިހެން ބުނާ އަޑު އިވުނީމަ މަންމަގެ ހިތަށް ހާދަ ތަދެކޭވަނީ.”
“މަގޭ ހިތް ކުދިކުދި ވިޔަސް މަންމަގެ ހިތްހަމަޖެހުނީމަ….”
“މަންމަގެ ހިތަށް އެކަންޏެއް ނޫނޭ ހަމަޖެހުން ލިބޭނީކީ. މި ތަނަވަސްކަމަކީ ހަމައެކަނި މަންމަގެ މިލްކެއް ނޫނޭ! މީގެ އުފާ ހާސިލުކުރާނެ މީހަކީ ދަރިފުޅެއް ނޫންތަ؟” ޖަމީލާ ވާހަކަ ދެއްކީ ސަލީމާއަށް ވިސްނައިދެވޭތޯއެވެ.
“މޫސަބެއާ އަލުން ވާހަކަ ދައްކަބަލަ އެހެން ގޮތެއް އޮތްތޯ!”
“މޫސަބޭގެ ގޮތް ދަރިފުޅަށް އަދި ނޭނގެނީ. އެއީ ފިސާރި މީހެއް! އެ ދުލުން ބުނެވުނު ބަހެއްގައި، މުޅި އުމުރަށް ވެސް ހިފަހައްޓާނެ! ކިތަންމެ ވާހަކައެއް ދެއްކިޔަސް، އެހެން ގޮތަކަށް ދެނެއް އޭނާ އެއްބަހެއް ނުވާނެ!” މޫސަބޭގެ ގޮތްފާޑު އެނގެނީ ޖަމީލާއަށެވެ.
“މޫސަބޭ އުޅެނީ މީހަކާ އިނދެގެނެއް ނޫންތަ؟” އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓުންއަރާފައި އިން ސަލީމާގެ ދުލަށް ހަރަކާތް އައެވެ.
“ތީ މުޅިން އެހެން ވާހަކައެއްނު. އެހެންނޫނަސް އެއީ ރާއްޖޭގައި އާ ކަމެއް ނޫނެއްނު!” ލިބިފައި އިން ހަމައެކަނި ދަރިފުޅު، މުސްކުޅިއެއްގެ އަމިއްލަ އެދުމުން ފޯވެފައިވާ އަތެއްގެ މައްޗަށް އުރުވާލުމަކަށް ޖަމީލާ ޖެހިލުމެއް ނުވެއެވެ.
“ތި މޫސަބޭގަނޑަކީ ހާދަ އަމިއްލަ އެދުން ވެސް ބޮޑު މީހެކޭ.”
“ދަރިފުޅޯ؟ ދަރިފުޅަށް ވެސް މިހާރު ތި އިސްކުރެވެނީ އަމިއްލަ އެދުމެއްނު! ނިކަން އެއް ފަހަރު ވެސް މަންމަގެ އެދުން އިސްކޮށްފަ އާނއެކޭ ބުނެބަލަ!”
“ނޫޅެން!”
ސަލީމާ ގާތަށް ރުޅިއަމުން ވެސް، ޖަމީލާ އިސްކުރީ ކެތްތެރިކަމެވެ. އޭނާ އެތަށް ގޮތަކަށް ސަލީމާއާ ވާހަކަދައްކައިފިއެވެ. ވިސްނައިދެވޭތޯއެވެ. އެ ކައިވެންޏަށް އެއްބަސްކުރުވޭތޯއެވެ. އެހެންނަމަވެސް ހަމަ ހިލާ ސަލީމާ އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ކެތްތެރިކަމުގެ ވާފަށް ޖަމީލާގެ އަތުން ދޫވެއްޖެއެވެ. ރުޅި އަތުވެއްޖެއެވެ. އޭނާ ހަރުކަށިކަމާ އެކު ވާހަކަ ދެއްކިއެވެ. ރުޅިވެރިކަން ފާޅުކުރިއެވެ. ސަލީމާ އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ.
“ސަލީމާ! ކަލޭ ހަނދާންކުރާތި! ކަލޭގެ ސަބަބުން މަގޭ އަތްމަތިން މި ތަކެތި ބީވެއްޖިއްޔާ، ދުވަހަކު ވެސް މަށެއް ކަލެއަކަށް މާފެއް ނުކުރާނަން! ކަލޭ ވިސްނާނެ ވަރަކަށް ވިސްނާފައި މާދަމާ މި ކަމަށް އެއްބަސްވާންޖެހޭނެ!”
ދެ ލޮލުން ކަރުނަ ފޭދިފައި އިން ސަލީމާއާ ދިމާއަށް، ރުޅިވެރި ނަޒަރަކުން ބަލާން ހުރެފައި، ހަލުއި ފިޔަވަޅުތަކެއްގައި ގޮސް ޖަމީލާ ވަނީ ކޮޓަރިއަށެވެ. ސަލީމާގެ ދެ ލޮލުން ކަރުނަ އޮހިގަތީ، ޖަމީލާ ކޮޓަރިއަށް ވަންފަހުންނެވެ.
ޔުނިޓް ޓެސްޓް ކައިރިވާތީ އިސްލާމް ފޮތް ނަގައިގެން ކިޔާން އިން މާއިޝާ ފޫހިވެގެން ކޮޓަރިން ނިކުތެވެ. އޭނާ ބޭނުންވީ ޓީވީ ހުޅުވައިލާށެވެ. އެހެންކަމުން އޭނާ ހިނގައިގަތީ، ސިޓިންރޫމާ ދިމާއަށެވެ. ސިޓިންރޫމަށް ނިކުތް އިރު، ސޯފާގައި ސަލީމާ އިނެވެ. އޭނާގެ ދެ ލޮލުން ކަރުނަ އޮހެމުން ދިޔަ މަންޒަރު މާއިޝާއަށް ފެނުނެވެ. އެއީ މިހައި ތަނަށް ދުވަހަކު ވެސް އޭނާ ދުށް މަންޒަރެއް ނޫނެވެ.
“ކިހިނެއްވީ ސަލީމާދައްތާ! ކީއްވެ ތި ރޮނީ؟”
ސަލީމާ މިހާރު އެއްގޮތަކަށް ވެސް މާއިޝާއާ ވާހަކަދައްކައެއް ނޫޅެއެވެ. އެހެންނަމަވެސް ސަލީމާ ރޮވިފައި އިނުމުން، މާއިޝާ ވާހަކަދެއްކީ ވަރަށް ގާތްގޮތަކަށެވެ.
މާއިޝާގެ އެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި، ސަލީމާ އެ ތަނުން ތެދުވެގެން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ދެ ލޮލުން ކަރުނަ ފޮހެމުން، ރުޅިވެރި ނަޒަރަކުން މާއިޝާއަށް ހަމަލާއެއް ދީފައެވެ. މާއިޝާ އެކަން ކަމަކަށް ނުހަދައެވެ. ރިމޯޓް ނަގައިގެން ސޯފާގައި ޖައްސާލީއެވެ.
އެ ރެއަކީ ސަލީމާގެ ހަޔާތަށް ކުރިމަތިވި ދަތި އުނދަގޫ ރޭތަކުގެ ތެރެއިން ރެއެކެވެ. ލޮލަކަށް ނިންޖެއް ނާދެއެވެ. ހިތަށް އުނދަގޫވަނީއެވެ. ނުތަނަވަސްވަނީއެވެ. ކުރިމަތިވި ބޮޑު ކަންތައްގަނޑުގެ ސަބަބުންނެވެ. މި ކަމާ ނޫޅެވުނު ނަމަ ކޮންފަދަ ހެއްޔެވެ؟ އޭރުން ގައިމު މި މުސީބާތެއް ނުޖެހުނީއެވެ.
“ކޮބާ މިހާރު ކައިވެންޏާ ދޭތެރޭ ރަނގަޅަށް ވިސްނައިފިންތަ؟” ހެނދުނު ސަލީމާ ފެނުމާ އެކު، އެންމެ ފުރަތަމަ ވެސް ޖަމީލާގެ ސުވާލަކަށްވީ އެ ސުވާލެވެ.
ސަލީމާ އަނގައަކުން ނުބުނެއެވެ. އެ ދިޔަ ގޮތަށް ގޮސް ވަނީ ބަދިގެއަށެވެ. ފަހަތުން ޖަމީލާ ވެސް ގޮސް ވަނެވެ. އޭރު ގޭގައި އެ ދެ މައިން ފިޔަވައި އިތުރު މީހަކު ނޫޅެއެވެ.
“ކީއްވެ އެއްޗެއް ނުބުނެ ތި އައީ؟ ވިސްނައިފިންހޭ؟” ޖަމީލާގެ އަޑުގައި ހުރީ ރުންކުރުކަމެވެ.
“ނުވިސްނަން!” ސަލީމާގެ ޖަވާބު ކުރެއެވެ. އޭނާ ޖަމީލާއާ ދިމާއަށް ބަލައި ވެސް ނުލައެވެ.
“މިއަދު އެކަމަށް އެއްބަސްވާންޖެހޭނެއޭ ބުނިކަމެއް ނޭނގޭތަ؟”
“އެނގޭ!”
“ދެން…؟”
“އިއްޔެ އޮންނާނީ ޖަވާބު ދީފަ.”
“އެއީ ހަމަ އެންމެ ފަހުގެ ނިންމުންތަ؟” ޖަމީލާ ކެކިގަތެވެ.
“އާނ! އަހަރެން އެ މީހާގަނޑަކާ ނީންނާނަން!”
“އެހެންތަ އަންހެނާ!” ޖަމީލާ ފުންމައިގެން އައިސް ސަލީމާގެ ކުރިމައްޗަށް ޖެހިގަތެވެ.
“ގައިގައި އަތްނުލާތި!” ސަލީމާ ތެދުވިއެވެ.
“ބުނަންތަ ރަނގަޅު ވާހަކައެއް؟” ޖަމީލާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. ދެ ދަތްޕިލަ ބާރުވެފައެވެ. ސަލީމާއާ ދިމާއަށް ދިއްކޮށްފައި ހުރި، ކަނާތު ޝަހާދަތްއިނގިލި ތުރުތުރުއަޅައެވެ. “މަގޭ ކުރިމަތީގައި ތި ފާޑަށް ތެޅޭނަމޭ ހިތާ ނޫޅެއްޗޭ! ބުނާ ގޮތް ނެހެދެންޏާ ގައިގައި ވެސް އަތްލާނަން! ޖަހަން ޖެހިއްޖެއްޔާ…..”
“ކުޑައިރު މަޑުން ހުއްޓަސް ދެން ޖަހައިފިއްޔާ މަ ވެސް ޖަހާނަން!” ސަލީމާގެ ރުޅިވެރިކަން ވެސް ކުޑައެއް ނޫނެވެ.
“ފިސާރި ގޮތްކުޑަވެއްޖެތާ!” ޖަމީލާގެ ދެ ލޯ ރަތްވެ ހަށިގަނޑު ތުރުތުރުއަޅައެވެ. “މަ ބުނާ ގޮތް ނުހަދަންޏާ މި ގެއަކު ނޫޅެވޭނެ! މިއަދު އިރު އޮއްސުމުގެ ކުރިން، ތަނެއް ހޯދައިގެން މި ގެއިން ނިކުންނަންޖެހޭނެ!” އެންމެ ފަހުގެ އިންޒާރު ޖަމީލާ ދިނެވެ.
ސަލީމާއަށް ރޮވިއްޖެއެވެ. އައި ރުޅިއާއި ވީ ދެރަ އެކުވެ، ކަރުނައިގެ ސިފައިގައި އޮހިގަތީއެވެ.
“މަންމާ! އާދޭސްކޮށްފައި މި ބުނީ! އަހަންނަށް މަޖުބޫރު ނުކޮށްބަލަ!” ސަލީމާގެ އަޑު ޖަމީލާއާ ހަމައަށް މި ފަހަރު އައީ ހިތާމައާއި މޮޅީގެ ސާލެއް އޮޅާލައިގެންނެވެ.
“މަޖުބޫރުކުރަން ޖެހުނީ ބަސްނޭހުނީމަ ދޯ!”
“މަންމަ އަޅެ އެންމެ ފަހަރަކު ވެސް އަހަންނާ އެނާއާ ދެމެދު ހުރި ތަފާތާ މެދު ވިސްނައިލަބަލަ!”
“ސަލީމާ އަޅެ އެންމެ ފަހަރަކު ވެސް ފަގީރުކަމާއި މުއްސަނދިކަމާ ދެމެދު ހުރި ފަރަގާ މެދު ވިސްނައިލަބަލަ!” ހަމަ އެ ރާގުގައި ޖަމީލާ ބުނެލިއެވެ.
“ވިސްނެޔޭ! އެކަމަކު އަހަންނާ ދޭތެރޭގައި ވެސް ވިސްނައިލާނެ ނަމަ….”
“ސަލީމާއާ ދޭތެރޭ ނުވިސްނައި ދެން ކާކާދޭތެރޭތަ އަހަރެން މި ވިސްނަނީ؟”
“މީސްމީހުން އަހަންނަށް ކިހައި މަލާމާތެއް ކުރާނެ!” ސަލީމާގެ އަޑު ކުރެހޭން ފަށައިފިއެވެ.
“މީހުން ކިޔާހައި އެއްޗިއްސަށް ބަލައިގެން ދުނިޔެއަކު ނޫޅެވޭނެ!” ޖަމީލާގެ އަޑާއި ރާގުގައި ވެސް މައިތިރިކަމުގެ އަސަރު އެކުލެވޭން ފަށައިފިއެވެ. “އެކަމާ ފިކުރުނުކޮށް، އާއެކޭ ބުނެބަލަ! ފަހަރެއްގައި މޫސަބޭ ގަސްތުކޮށްފާނެއެއްނު ތަންކޮޅެއް ފަހުން ކައިވެނިކުރަން ވެސް.”
“ވަގުތުން ކުރާން ތެޅެގެންފިއްޔާ ޔޯ؟”
“ކޮށްލާނީ! އަހަރެމެންގެ މަގުސަދު ހާސިލުވީމަ ދެން ވަރިވާނީ. އެ ދުވަހު މަންމަ ވެސް ހުންނާނީ ދަރިފުޅުގެ ފަޅީގައޭ.”
ސަލީމާ އެއްބަސްވާން އުޅޭހެން ހީވާތީ، ޖަމީލާގެ ހިތަށް ފިނިކަންލިބޭން ފަށައިފިއެވެ. ސިކުނޑިގެ އުދާސްކަން ކުޑަވާންފަށަފިއެވެ. އެހެންކަމުން ޖަމީލާގެ ކޮންމެ ލަފުޒެއް، ކޮންމެ ޖުމުލައެއް ބޭނުންކުރަމުން ގެންދިޔައީ ވަރަށް ވިސްނައިގެންނެވެ. ސަލީމާގެ ބޮލަށް ފެލައިލެވޭ ހުތެއްގެ ގޮތުގައެވެ. އޭގެ ނަތީޖާއަކަށްވީ، އެންމެ ފަހުން ސަލީމާގެ ދުލުން އާނ! ބަސް ބޭރުވުމެވެ. ހިތާ ދެކޮޅަށް ނަމަވެސް، އޭނާ މަންމަގެ ބަސް ގަބޫލުކޮށް، މޫސަބޭގެ އަނތްބަކަށްވުމަށް އެއްބަސްވުމެވެ. ޖަމީލާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ނަށައިގަނެވުނެވެ. ސަލީމާގެ ގައިގައި ބައްދައިގަތެވެ. އެއަށްފަހު އިސްނެގީ، އޭނާ ބުނި ކުފުރުގެ ނަދުރު ފުއްދުމަށެވެ. އެ ދުވަހު އެ ގޭގައި ހިލި ބޯހުނިގަނޑުގެ ހަގީގަތް އެނގޭ ހަމައެކަނި މީހަކީ އޭނާއެވެ.
“ޖަމީލާ އަނެއްކާ ސޭކުއަލިބެއަށް ބޯހުނި ހިލަން ނަދުރެއް ގަތް ދުވަހެއްތަ؟” ޖަމީލާ ދިން ބޯހުނިތަށްޓަށް ނަޒަރު ހުއްޓައިލަމުން، ސަމާސާ ރާގަކަށް މޫސަބޭ ބުނެލިއެވެ. އެއަށްފަހު ތަށިން ބޯހުނިކޮޅެއް ނަގައި އަނގއަށް ލިއެވެ.
“އަހަރެމެން މިއަދު މި އައީ މޫސަބޭގެ ދެ ޝަރުތާ ވެސް ރުހި ގަބޫލުވެގެން.”
“ނާ ހަމަ ރަނގަޅަށް؟” ސަލީމާގެ މޫނަށް ބަލައިލަމުން މޫސަބޭއަށް އަހައިލެވުނެވެ. މޫސަބެއަށް ޖަމީލާގެ އެ ވާހަކަ ގަބޫލު ނުކުރެވުނު ކަހަލައެވެ.
“ކީއްކުރަން ދޮގުހަދަންވީ؟ ދޯ ދަރިފުޅާ!”
ޖަމީލާ ބަލައިލުމުން ސަލީމާ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ބޯ ޖަހައިލިއެވެ. އެ މަންޒަރު މޫސަބެއަށް ވެސް ފެނުނެވެ. މޫސަބޭ އިރުކޮޅަކު އެއްޗެއް ނުބުނެ، ސަލީމާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.
“މިއަދު މަސައްކަތް ފަށާނަން ދޯ!” ކެތްތެރިކަން ކުޑަވެފައި އިން ޖަމީލާއަށް ނީނދެވިގެން އަހައިލިއެވެ.
“މި މަންޖެގެ އުމުރުން މިހާރު ކިހައި ވަރެއްތަ؟ މި ބުނީ ކިތައް އަހަރުހޭ؟” ޖަމިލާ ބުނި ވާހަކަ މޫސަބޭއަށް އިވުނުހެނެއް ހިއެއް ނުވެއެވެ.
“މިހާރު ސަތާރަ އަހަރު ފުރެނީ.” ޖަމިލާ އަވަސްއަވަހަށް ޖަވާބު ދިނެވެ.
“ސަތާރަ އަހަރޭ؟” ޖަމީލާގެ މޫނަށް މޫސަބޭ ބަލައިއެވެ. “އެހެންވީމާ އަދި ނެތެއްނު މި ކަން ވާކަށް.”
“އެއީ؟”
“އަށާރަ އަހަރު ނުފުރެނީސް ކައިވެންޏެއް ކޮށެއް ނުދޭނެއެއްނު!”
“ދެން އަށާރަ އަހަރު ފުރުނީމަ ކައިވެނިކުރާނީ.” މިހާރުން ފެށިގެން އަހަރެމެންގެ މަސައްކަތް ފަށަމާ!”
“ހޯހޯ! ތިހެން ނޫޅޭ!” މޫސަބޭ އަތުގެ އިޝާރާތާ އެކު ބޯ ހަލުވައިލިއެވެ. “ފުރަތަމަ ކައިވެނި! މަސައްކަތް އޭގެ ފަހުން.”
މޫސަބެއަކީ ވެސް ފިސާރި އަމިއްލަ އެދުން ބޮޑު މީހަކީތާއެވެ. ނޫނީ ޖަމީލާމެންގެ ކަންކަން ހުންނަ ގޮތްފޮތް އެނގެނީކަމަށް ވެސް ވެދާނެއެވެ.
“އެކަމަކު އަގަކީ މަސައްކަތް ނިންމާފައި ނަގާ އެއްޗެއްނު!” ޖަމީލާ މަޑުމަޑުން ބުންޏެވެ. އޭރު އޭނާގެ މޫނުމަތީގައި ކުރިން ހުރި އުއްމީދުގެ ބެބުޅުން ވަނީ އެ މޫނާ ވަކިވާން ފަށާފައެވެ.
“މި ބާވަތުގެ ކަންކަން ކުރެވޭނީ ކުރިން އަގު ލިބިގެން!”
“ތީ ދެން ވަރަށް ދެރަކަމެއް!” ޖަމީލާގެ މޫނުމަތިން ނުރުހުމުގެ ކުލަތައް ފެންނާންފެށިއެވެ.
“މަށަށް ދޯ އެނގޭނީ މަ ކުރާކަމެއް ކަމެއް ކުރާނޭ ގޮތް!”
“އަހަރެމެންގެ މެދުގައި އޮތް ގާތްކަމަށް ވެސް އިހުތިރާމް ނުކުރީތާ!”
“އިހުތިރާމް ކުރާތީ ތި ކަން ކޮށްދޭން ވެސް މި އުޅެނީ. ދެން ރަނގަޅު ވާނީ މި ވަގުތު ގޮސްލިއްޔާހެން މޫސަބެއަށް ހިވަނީ. ދަރިފުޅުގެ އުމުރުން އަށާރަ ފުރުނީމަ އާދޭ! ކައިވެންޏަށް ފަހު ލަސްނުކޮށް މަސައްކަތް ފަށާނަން! މަސައްކަތް ފަށާތާ ހަފުތާއެއްގެ ތެރޭގައި ޖަމީލާގެ އަތް މައްޗަށް ހުރިހައި އެއްޗެއް އަރާނެ! އެ ދުވަހު ޖަމީލާ އިންނާނީ މިހާރު ތި އިން މޫނަކައިގެނެއް ނޫން! އެ ދުވަހު ޖަމީލާ އުފަލުން މޫސަބެއަށް ސަޖިދަ ވެސް ޖަހާނެ! ހިތްހަމަޖައްސާލައިގެން ދެން އަވަހަށް ގެއަށް ދޭ!”
ޖަމިލާގެ ދެ މައިން މޫސަބޭގެ ގެއިން ނިކުތް އިރު، އެ ދެމައިންގެ އިހުސާސްތައް ދަތުރުކުރަމުން ދިޔައީ ތަފާތު ދެ މަގަކުންނެވެ. ޖަމީލާގެ ހިތުގައި ވަނީ މާޔޫސްކަމެވެ. ނުތަނަވަސްކަމެވެ. އޭނާގެ މޫނުމަތީން އުއްމީދުގެ ކުޑަ ވެސް އަލިކަމެއް ނުފެނެއެވެ. ފެންނަނީ ފިކުރުން ބަރުވެފައި މޫނެކެވެ. އެހެންނަމަވެސް ސަލީމާ ފެންނަނީ މުޅިން ތަފާތުކޮށެވެ. ހިތުގެ ވިންދާ ގުޅިފައިވަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް، ކައިވެނި ކުރެވޭގޮތް ނުވުމަކީ އޭނާއަށް ލެއްވި ވަރަށް ބޮޑު ނަސީބެކެވެ.
އާދައިގެ ގޮތަކަށް ޖަމީލާ ދުވަސްތައް ގުނާން ފެށިއެވެ. ސަލީމާއަށް އަށާރަ އަހަރު ފުރޭނެ ދުވަހަށް ކުރާ އިންތިޒާރާ އެކުގައެވެ. މާއިޝާއާ މެދު ހިތުގައި އުފެދިފައިވާ ހަސަދައިގެ އަލިފާންގަނޑަށް ފެންޖަހައި މައިތިރިކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ޣަފޫރަށް ރީތި މޫނެއް ދައްކަމުންނެވެ. ދޭތެރެ ދޭތެރެއިން މޫސަބެއާ ގުޅައި ވާހަކަދައްކައި ގުޅުން ދަމަހައްޓަމުންނެވެ.
ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންދަނީ ހަލުއިކަމާ އެކުގައެވެ. އެހެންނަމަވެސް ޖަމީލާއަށް ހުރެވެނީ ދުވަސްތައް ފާއިތުވާލެއް ލަސްވެފައެވެ. ކޮންމެ މަހެއް ވެސް ނިމެން، އަހަރެއްހައި ދުވަސް ހޭދަވާހެން އޭނާއަށް ހީވެއެވެ. އެއްފަހަރާ ތިން ހަތަރު ދުވަސް ވޭތުވާނެ ނަމައެވެ. ބައެއް މަސްމަސް ވިއްސަކަށް ދުވަހުން ނިމޭނެ ނަމައެވެ. ޖަމީލާ އެދެނީ އެހެންވާށެވެ. އެހެންނަމަވެސް ސަލީމާއަށް ހުރެވެނީ ދުވަސްތައް ފާއިތުވާލެއް އަވަސްވެ ކަންބޮޑުވެފައެވެ، މަހަކަށްފަހު މަހެއް ނިމެމުންދާލެއް އަވަސްވެފައެވެ. ކޮންމެ ދުވަހެއްގެ އިރު އަރަނީ، އަދި އޮއްސެނީ އޭނާގެ ހިތަށް މޫސަބޭގެ ކައިވެނީގެ ދުވަސް ކައިރިވާކަމުގެ ނުތަނަވަސްކަން އިތުރުކުރަމުންނެވެ.
މި އަހަރަކީ މާއިޝާ ގުރޭޑު 10 ގައި ކިޔަވަމުން އަންނަ އަހަރެވެ. އެހެންކަމުން ކިޔެވުމަށް ދޭ ސަމާލުކަން ވަނީ ކުރިއަށްވުރެ އިތުރުކޮށްފައެވެ. ޓިއުޝަން ނެގުމުގެ އިތުރުން، ކުލާސް ކުދިންނާ އެކު ގްރޫޕް ސްޓަޑީ ހެދުން ވެސް ވަނީ އިތުރުކޮށްފައެވެ. އެހެންނަމަވެސް ގޭގައި ކަންތައްތައް ހުންނަ ގޮތުން، ގްރޫޕް ސްޓަޑީއަށް އޭނާ ދަނީ އޭނާގެ އެކުވެރި ކުއްޖެއްގެ ގެއަށެވެ. ކިޔެވުމަށް ދީފައިވާ ސަމާލުކަން ބޮޑުކަމުން، ގޭގައި ހުސްކޮށް ހުރެލާނެ ވަގުތެއް މިހާރު އޭނާއަކަށް ނުލިބެއެވެ. ޖަމީލާއާއި ސަލީމާގެ ތުންފިއްތުމާއި ނަފުރަތުގެ ކަޅިއެޅުން ކިތަންމެ ބޮޑަސް، އެ މަންޒަރުތައް އޭނާއަށް ފެންނަނީ މިހާރު ވަރަށް މަދުންނެވެ.
އެއް ރެއެއްގެ އިރާކޮޅުގެ ވަގުތެވެ. މާއިޝާ އިނީ ރައްޓެހި ކުއްޖެއްގެ ގޭގައި ކިޔަވާށެވެ. ޔުނިޓް ޓެސްޓް ކައިރިވަމުން އަންނާތީ ގްރޫޕް ސްޓަޑީ ހެދުމުގައެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް، މާއިޝާ ތަންތަނަށް ގެންގޮސް ގެނައުމަށް ޣަފޫރު ވަރަށް އިސްކަންދެއެވެ. އެހެންނަމަވެސް މިހާރު ޣަފޫރު ވީ ވިޔަފާރި ދަތުރެގައި ޗައިނާގައެވެ. އެހެންކަމުން މިއަދު މާއިޝާ އެ ގެއަށް އައީ ކާރެއްގައި އެކަންޏެވެ.
ކިޔަވައި ނިމުމުން ގެއަށް ދިޔުމަށް ޓަކައި އެކުވެރިޔާގެ ފޯނުން ކާރަކަށް ގުޅޭތޯ މާއިޝާ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް ދިހަވަރަކަށް މިނެޓް މަސައްކަތްކުރި އިރު ވެސް ކާރެއް ލިބޭގޮތެއް ނުވިއެވެ. އެހެންކަމުން މާއިޝާ ގަސްތުކުރީ ހިނގާފައި ގެއަށް ދިޔުމަށެވެ. އެއީ ގެއާ މާ ދުރުގައި ހުރި ގެއެއް ވެސް ނޫނެވެ. އަށެއް ޖަހަނީއެވެ. މާ ލަސްވެއްޖިއްޔާ ހިނގާފައި ދާން ވެސް ނުކެރޭނެތީއެވެ.
ދަބަސް ނުލައި އާދެވުނު ދުވަހެއްކަމުން، ފޮތްކޮޅު އަތަށް ނަގައިގެން މާއިޝާ އެ ގެއިން ނިކުމެއްޖެއެވެ. މަގުގެ އެއް ފަރާތުން ދުވާރުމަތިން ހަލުއި ފިޔަވަޅުތަކެއްގައި ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ހިނގާބިނގާވާ މީހުންނާ ދިމާއަށް ބެލުމެއް ނެތި ކުރިއަށް ދިޔައެވެ. މިއީ ރޭގަނޑުގެ ވަގުތު، އެކަނި ހިނގާފައި އޭނާ ތަނަކަށް ދާ ފުރަތަމަ ފަހަރެވެ. އެހެންކަމުން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ވެސް އޭނާގެ ހިތުގައި ވަނީ ހިނގާފައެވެ.
މަގުގެ ދެކޮޅަށް ބަލައިލުމަށްފަހު، މަގު ހުރަސްކޮށްލުމަށް ޓަކައި މާއިޝާ ދުވާރުން ފޭބިއެވެ. އެޅުނީ ދެތިން ފިޔަވަޅެކެވެ. ކުއްލިއަކަށް ޖެހިގެން އޮތް ހަނި ގޯޅިން ސައިކަލެއް ނިކުމެއްޖެއެވެ. މާއިޝާއަށް ބަލައިލެވުނެވެ. ސައިކަލު އައީ ސީދާ އޭނާއާ ދިމާއަށެވެ. މި މަންޒަރު ފެނިފައި ލިބުނު ސިހުމާ އެކު، މާއިޝާއަށް މަގު މެދުގައި ކަހަލަ ގޮތަކަށް ހުއްޓެވުނެވެ. އޭނާގެ ގައިން ނެއްޓޭތޯ ދުއްވަން އިން މީހާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ކާމިޔާބެއް ނުވިއެވެ. ސައިކަލުގެ ހުންގާނު އައިސް ލައިގަތީ މާއިޝާގެ އުޅަނބޮށީގައެވެ. އެއާ އެކު އޭނާގެ އަތުގައި ހުރި ފޮތްތައް މަގުމައްޗަށް ފައިބައިގެންފިއެވެ.
ސައިކަލުގައި އިން މީހާ ވަގުތުން ސައިކަލު ބުރެކި ޖައްސައިފިއެވެ. ހަރު ޖައްސާފައި ސައިކަލުން ފައިބައިގެން މާއިޝާއާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ އުޅުނީ މާއިޝާގެ ފޮތްތައް ނަގައިދޭންކަމަށެވެ. އެހެންނަމަވެސް އޭރު މާއިޝާ ގުދުވެ ފޮތްތައް ނަގަނީއެވެ. ފޮތްތައް ނަގައިގެން މާއިޝާ ތެދުވެ ހިންދެމިލިއިރު، އޭނާ ހުރީ މާއިޝާގެ ކުރިމަތީގައެވެ. ވަރަށް ގާތުގައެވެ.
“ސޮރީ!” އޭނާ މާއިޝާގެ ކިބައިން މާފަށް އެދުނެވެ.
“އިޓްސް އޯކޭ!” އޭނާއަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، މާއިޝާ އުޅުނީ އަވަސް އަވަހަށް ހިނގައިގަންނާށެވެ. މީހުން އެއްވުމުގެ ކުރިން އެ ތަނުން ދެވޭތޯއެވެ.
“އަތަށް ތަދުވިތަ؟”
“ކުޑަކޮށް. ދެން އަޅައިނުލާ!” މާއިޝާ އަނެއްކާ ވެސް ހިނގައިގަތެވެ.
މާއިޝާ ހިނގައިގަތުމުން، އޭނާ ވެސް ގޮސް އެރީ ސައިކަލަށެވެ. އިސްޓާޓުކޮށްލުމަށްފަހު، މަޑުމަޑުން ދުއްވާލިއެވެ. މާއިޝާގެ ފަހަތުންނެވެ. މީހަކު އޭނާގެ ބޯކުރި ބަލަމުން އަންނަކަން ނޭނގޭ ފަށުގައި އިނދެގެންނެވެ. ބޭނުމަކީ މާއިޝާ ވަންނަ ގެއެއް ބެލުމެވެ.
ދެ ދުވަސް ފަހެވެ. މެންދުރުފަހުގެ ވަގުތެވެ. ރީތިވެލައިގެން މާއިޝާ މަގަށް ނިކުތެވެ. ގަދަ ނޫ ކުލައިގެ ޖީންސަކާއި ހުދު ކުލައިގެ މައްޗެއްގައި މާއިޝާ ފެންނަލެއް ވަރަށް ރީއްޗެވެ. އޭނާގެ ހެދިފޯދެމުން އަންނަ ހަށިގަނޑުގައި، ޒުވާންކަމުގެ ތާޒާ އަތުން ޖައްސަމުން އަންނަ ރީތި ކިއްސަރާއި ކުރާ އޮފު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ޅައުމުރުގެ ޅަކަމުގެ މައްޗަށް ޒުވާންކަމުގެ ފަރިކަން ބާރުހިންގަމުން އަންނަނީ ފިސާރި ބޮޑަށެވެ.
މާއިޝާގެ ކޮނޑުގައި އަޅުވާފައި އޮތް ފޮތް ދަބަހުން އެނގެނީ، އޭނާ އެ ނިކުތީ ކޮންމެވެސް ތަނަކަށް ކިޔަވާން ދާންކަމެވެ. އާއެކެވެ. އޭނާ އެ ދަނީ ޓިޔުޝަނަށް ދާށެވެ. ޣަފޫރު ރަށުގައި ނެތުމުން ދާންޖެހެނީ އެކަންޏެވެ. ކޮންމެ ފަހަރަކު ކާރުގައި ނުދާންވެގެން މިއަދު އޭނާ ނައްޓާލި ހިނގާފައެވެ.
ތަންކޮޅަކަށް ދިޔަތަނާ، ފަހަތުން އައި ސައިކަލެއް މާއިޝާއާ އަރައި ހަމަކޮށްފިއެވެ. އެހެންނަމަވެސް މާއިޝާ ބަލައެއް ނުލައެވެ. ބަލާން ބޭނުންނުވީއެވެ. ދަންނަ މީހަކަށް ނުވާނޭކަން އެނގޭތީއެވެ. އަންހެން ކުދިން މަގުމަތީން ހިނގާފައި ދާއިރު ފޮށުމަކީ ދިވެހިންގެ ތެރޭގައި އޮތް، ނާތަހުޒީބު އާދައެއްކަން މާއިޝާއަށް އެނގުނީ ވަރަށް ފަހުންނެވެ. ފަހަތު އަޅުވާލައިގެން އެ އުޅެނީ، އެ ކަހަލަ މީހެއްކަން ޔަގީނެވެ.
“ކޮންތާކަށް ތި ދަނީ؟” އެ މީހަކު ވަރަށް ގާތްގޮތަކަށް، މާއިޝާ ގާތުގައި އަހައިލިއެވެ. އެ އަޑު ކަންފަތުގައި ޖެހުމުން، މާއިޝާއަށް ބަލައިލެވުނެވެ. އެއީ ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. ކޮންމެވެސް ތަނަކުން، ކޮންމެވެސް ދުވަހަކު ފެނިފައިވާ މޫނެއްހެން ހީވިއެވެ. އެހެންނަމަވެސް ޔަގީނެއް ނުވިއެވެ.
“ނޭނގު ދޯ؟” އޭނާ ހިނިތުންވެލިއެވެ.
މާއިޝާ އަޅައެއް ނުލައެވެ. ފިޔަވަޅަކަށް ވެސް މަޑުޖެހިނުލައެވެ. އެ ޒުވާނާ ވެސް އޭނާއާ އެއްވަރަށް ސައިކަލު ދުއްވަމުން އައެވެ. މާއިޝާގެ ހިތް އޭރު ނޭނގޭ ބިރުވެރިކަމަކުން ތެޅެއެވެ.
“މަށަށް ކިޔަނީ ޝާހިރު. ތީ މާއިޝާ ދޯ!”
މާއިޝާގެ ފިޔަވަޅަށް ހުއްޓުންއެރީ، އޭނާގެ ނަން ބުނުމުންނެވެ. ދެވަނަ ފަހަރަށް އޭނާއާ ދިމާއަށް ބަލައިލާން މަޖުބޫރުވިއެވެ.
“ކިހިނެއް މަގޭ ނަން އެނގުނީ؟” ހައިރާންވެ ހުރެ މާއިޝާއަށް އަހައިލެވުނެވެ.
“ކުރީ ރޭ މަގުމަތިން ފޮތްތައް ނެގި އިރު، އެ ތަނުން ފޮތެއްގައި ޖަހާފައި އޮއްވާ ފެނުނީ. ހިތަށް އެރީ….” ޝާހިރު ހިނިތުންވެ އިނދެ ޖަވާބު ދިނެވެ.
“ތީ މަގޭގައިގައި ސައިކަލުން ޖެއްސި މީހާ ދޯ!” ބޭއިޚުތިޔާރުގައި މާއިޝާއަށް ބުނެލެވުނެވެ.
“ނޫނޭ! ޖެއްސި މީހާއެއް ނޫން! ޖެހުނަނުދޭން މަސައްކަތްކުރި މީހާ.” ސަމާސާ ގޮތަކަށް އޭނާ ބުނެލިއެވެ.
“އެކަމަކު ވެސް ޖެހުނެއްނު!”
“ވީ ގޮތަކީ ތަންކޮޅެއް އަވަހަށް ބޭހެއް ގަންނަން ދާންޖެހިގެން މާ ބާރަށް ދުއްވުނީ.”
“ދެން ވެސް އެހައި ބާރަށް ނުދުއްވައްޗޭ!”
“ޔަޤީން! ތި ނަސޭހަތް އަބަދަށް ވެސް ހަނދާން ބަހައްޓާނަން!”
“ޝުކުރިއްޔާ!” މާއިޝާ ހިނގައިގަތެވެ.
“އަދި މަޑުކޮށްބަލަ!”
“ކިހިނެއްވީ؟” ޝާހިރުގެ މޫނަށް މާއިޝާ ބަލައިލިއެވެ.
“މީގެ ފަހުން މަށަކީ ވެސް ރައްޓެއްސެއްކަމަށް ދެކެންވީނު!”
ސަލާންކޮށްލުމަށް ޓަކައި މާއިޝާއާ ދިމާއަށް ޝާހިރު އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފައި މާއިޝާ ސަލާންކޮށްލިއެވެ. ހިނިތުންވެލަމުންނެވެ.
“ކޮންތާކަށް ތި ދަނީ؟”
“ޓިއުޝަނަށް.” މާއިޝާ އަނެއްކާ ވެސް ހިނގައިގަތެވެ.
ޝާހިރު ވަގުތުން ޒޯނަށް ސައިކަލު ޖެހިއެވެ. އެއަށްފަހު ސައިކުން ފައިބައިގެން، މާއިޝާއާ އެކު ހިނގައިގަތެވެ.
“ޝާހިރު އުޅެނީ މި ހިސާބުގައިތަ؟” ޝާހިރު އަންނަތަން ފެނުމުން މާއިޝާ އަހައިލިއެވެ.
“ނޫނޭ! އަހަރެން އުޅެނީ ހެންވޭރުގަ.”
“ދެން…؟ ކޮންތާކަށް ތި ދަނީ؟”
“މި ދަނީ މާއިޝާއާ އެކުގައެއްނު!” ޝާހިރު ހީނލިއެވެ.
“ކީއްކުރަން؟” ސުވާލުގެ ނަޒަރަކުން މާއިޝާއަށް ބަލައިލެވުނެވެ.
“ހިތް ބުނަންފެށީ މާއިޝާ އެކަނި ނުފޮނުވާށޭ!”
“އެއްޗެކޭ ހީނުކުރައްޗޭ! ތި ގޮތަށް އަހަންނާ އެކު އަންނާތީ، ވަރަށް އުނދަގޫވޭ އެބަ!”
“ކީއްވެ؟” ހީ ވެސް ނުކުރާ ކަހަލަ އެއްޗެއް މާއިޝާ ބުނުމުން ޝާހިރަށް ކުއްލި ސިހުމެއް ލިބުނެވެ.
“ނޭނގެ! ހަމަ އުނދަގޫ ވަނީ.”
“ދެން ބުނެބަލަ!”
“ބައްޕަގެ ވަރަށް ގިނަ ރައްޓެހިން ތިބޭނެ. އެއިން މީހަކަށް ފެނިގެން ބައްޕައާ ހަމައަށް ގެންގޮއްސިއްޔާ އަހަރެން ވަރަށް ލަދުގަންނާނެ!”
“މާނައަކީ؟”
“އަހަރެންގެ ފަހަތުން ނައިސްފާނަންތަ؟”
“އޯކޭ! ދެން ނުދާނަން.” ޝާހިރު ވަގުތުން ހުއްޓުނެވެ.
“އެހެން ދުވަހަކު ވެސް ނާންނާތި އިނގޭ!” މާއިޝާ ހުއްޓި ވަރަށް ރީތިކޮށް ބުނެލާފައި ހިނގައިގަތެވެ.
“ބަލާނަން! އެކަމަކު އާދެވުނަސް ރުޅި ނާންނާތި!” ޝާހިރު ވެސް އެނބުރި އައި ކޮޅަށް ހިނގައިގަތެވެ. “މަގުގެ ހުރަސްކުރާއިރު މަގުގެ ދެ ކޮޅަށް ރަނގަޅަށް ބަލައްޗޭ!” މާއިޝާއާ ދިމާއަށް ބަލައިލުމަށްފަހު ޝާހިރު ހިނިތުންވެލިއެވެ. މާއިޝާ ގާތަށް ވެސް ހިނިއައެވެ. ޝާހިރު އެހެން ބުނެލި ގޮތުންނެވެ.
މާއިޝާ އެނބުރި ބަލައެއް ނުލައެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ޝާހިރުގެ ތަސްވީރު ފަނޑު ގޮތަކަށް ނަމަވެސް ކުރެހިއްޖެކަމުގެ އިހުސާސެއް ކުރެވުނެވެ. ޝާހިރު އެންމެ ފަހުން ބުނި ޖުމުލައިން ތުންފަތްމަތީގައި ކުރެހުނު ހިނިތުންވުން، އަދިވެސް ހުރީ އޭރު ކުރެހުނުގޮތަށް ބަދަލެއް ނައިހެވެ.
ޣަފޫރަށް ފްލައިޓުން ފޭބުނީ ނުވައެއް ޖަހައި ބޮޑުވިފަހުންނެވެ. އެއާޕޯޓުން ނިންމަންޖެހޭ ކަންކަން ނިންމާލައިގެން އެނބުރި ގެއަށް އާދެވުނު އިރު ހުރީ ބާރަޖަހައި ބޮޑުވެފައެވެ. އޭރު ގޭތެރޭގައި ރަސްކަންކުރަމުން ދަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ޣަފޫރު ގޮސް ކޮޓަރިއަށް ވަން އިރު، ޖަމީލާ އޮތީ ގަދަ ނިދީގައެވެ. ޖަމީލާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ޣަފޫރަށް ހުރެވުނެވެ. އޭރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
މާހިރާއާ ޖަމީލާއާ ހާދަ ތަފާތެވެ. އަހަރެން މި ގޮތަށް ރަށުން ބޭރަށް ގޮސްފައި އަންނަ އެއްވެސް ފަހަރަކު މާހިރާ މި ގޮތަށް ނިދާކަށް ނޯންނާނެއެވެ. ކިތަންމެ ދަންވާ ފަހުން އާދެވުނަސް، ހޭލައި އިންތިޒާރުގައި އިންނާނެއެވެ. އެކަމަކު ޖަމީލާގެ ކިބައަކުން އެކަމެއް ނުފެނުނެވެ. އޭނާ އެ އޮތީ ގަދަ ނިދީގައެވެ.
ޣަފޫރު ހިތްހަމަޖައްސާލިއެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ޖަމީލާގެ ކިބައިގައި ވެސް ރަނގަޅު އެތައް ސިފައެއް އެބަ ހުއްޓެވެ. ގޭތެރޭގެ ކަންކަން ބަލަހައްޓައިގެން އެބަ އުޅެއެވެ. އެއީ ވެސް ވަރަށް ބޮޑު ވަރެކެވެ.
ގަމީހުގެ ގޮށްތައް ނައްޓަމުން ޣަފޫރު ހިނގައިގަތެވެ. އަލަމާރިން ކޮނޑެއް ނަގައި، ބޭލި ގަމީސް ކޮނޑުގައި އަޅުވައިލިއެވެ. އެ ވަގުތު ޖަމީލާ އެއްޗެއް ބުނެލި އަޑު، ޣަފޫރުގެ ކަންފަތުގައި ޖެހުނެވެ. ޣަފޫރަށް އަވަސް އަވަހަށް އެނބުރި ޖަމީލާއާ ދިމާއަށް ބަލައިލެވުނެވެ. ޖަމީލާ ހޭލާ އޮތީކަމަށް ހީކޮށެވެ. އެހެންނަމަވެސް ފެނުނީ ނިދާފައި އޮތް ޖަމީލާއެކެވެ. ދެ ލޯ ވަނީ މެރިފައެވެ.
“މޫސަބޭ! ދެން މިކަން އަވަސްކޮށްދީ! އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި!”
ޖަމީލާ ބުނި ވާހަކަ ވަރަށް ސާފުކޮށް ޣަފޫރަށް އިވުނެވެ.
“މޫސަބެއޭ؟ ކޮން މޫސަބެއެއްގެ ވާހަކައެއް…..؟” ޣަފޫރަށް ހެރެވުނީ އެ ހުރި ފިޔަވަޅު މަތީގައި ޖަމީލާއާ ދިމާއަށް ކަޅި ހުއްޓާލައިގެންނެވެ. އިތުރު އެއްޗެއް ބުނޭތޯ މަޑުކޮށްލަނީ ކަންނޭނގެއެވެ.
ދެތިން މިނެޓެއްހައި އިރު ޣަފޫރު މަޑުކުރިއެވެ. އިތުރު އެއްވެސް އެއްޗެއް ޖަމީލާ ނުބުނެއެވެ. ޣަފޫރު އިރުކޮޅަކު ވިސްނައިލަން މަޑުކޮށްލިއެވެ. އޭރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ، ކޮން ކަހަލަ ޚިޔާލުތަކެއްކަމެއް ނޭނގެއެވެ. މޫނުމަތީން ފެންނާން ހުރީ ސީރިޔަސްކަމެވެ. އެހެންނަމަވެސް އިރުކޮޅަކުން ފެނުނީ ފުންނޭވާއެއް ދޫކޮށްލަމުން، ބޯ ހަލުވައިލިތަނެވެ. އެއަށްފަހު މަޑު ހިނގުމެއްގައި އައިސް، ޖަމީލާގެ ގާތަށް ހުއްޓުނެވެ. ދެ ފަހަރަކު ކޮއްޓާލުމާ އެކު ޖަމީލާއަށް ހޭލެވިއްޖެއެވެ. އެއާ އެކު ފުންމައިގެން ތެދުވިއެވެ.
“މަ އަންނަ ވާހަކަ ބުނީމަ ވެސް ނިދީތަ؟” ޣަފޫރުގެ އަޑަކު ނުރުހުމެއް ނެތެވެ.
“ނުނިދަން އޮއްވާ ނިދުނީ. ދުވާލު ހަތަރު ދަމު މަސައްކަތްކޮށްކޮށް މިހައިއިރު ވާއިރު ހުންނަނީ ވަރުބަލިވެފަ ވިއްޔަ! ކާންވީ ދޯ!” ޖަމީލާ އެނދުން ފޭބިއެވެ.
“އެއާޕޯޓުން ކައިގެން މި އައީ. ނިދާލަން ދެން ބޭނުންވަނީ.” ޣަފޫރު ވަނީ ފާޚާނާއަށެވެ.
ނިދަން އޮތް އިރު ޣަފޫރު އޮތީ ފާޑަކަށެވެ. ބަސް މަދުވެ ހަރަކާތް މަދުވެފައެވެ. ހީވަނީ ކޮންމެވެސް ވާހަކައެއް ދައްކާން ބޭނުންވެ ނުފެށިގެން އުޅޭހެންނެވެ. ކޮންމެވެސް އެއްޗެއް ބުނާން ދެ ފަހަރަކު މަސައްކަތް ފެށިހެން ވެސް ހީވިއެވެ.
“ކިހިނެއް ވެފައި މި ރޭ ތި އޮތީ.” ޖަމީލާއަށް ކަމެއް ފާހަގަކުރެވިއްޖެއެވެ.
“ކަމަކާ ވިސްނައިލަން އޮވެވުނީ.” ޣަފޫރު ހާމަކުރީ ހަގަތެވެ.
“ކޮންކަމަކާ؟”
މާއިޝާ ކިހިނެއް އުޅެނީ މިހާރު؟ ކިޔަވާތަ؟” ޣަފޫރު ވާހަކަ ބަދަލުކޮށްލީ ހަމަ ގަސްތުގައެވެ.
“އެ މަންޖެ މިހާރު ވަރަށް ރަނގަޅު. ރެއާއި ދުވާލު ކިޔެވުމައިގެން އުޅެނީ. އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ލިބޭނެ! އެއީ އަހަރެންގެ ދުޢާއަކީ.” ޖަމީލާގެ އަޑާއި ރާގުގައި ހުރީ އޯގާވެރިކަމެވެ.
“ސަލީމާ ވެސް ކިޔެވި ނަމަ ދޯ!” ޣަފޫރުގެ ނަޒަރު ހުއްޓިފައި ހުރީ ފަންގިފިލާއަށެވެ.
“އޭނަގެ ވާހަކަ ދައްކާނެކަމެއް ނެތް! މިހެން އުޅެފަ ދެން މީހަކާ ދެވާނީ.” ޖަމީލާގެ މި ޖުމުލައާ އެކު، ސުވާލުގެ ނަޒަރަކުން ޖަމީލާގެ މޫނަށް ޣަފޫރަށް ބަލައިލެވެނުވެ.
“މީހަކާ ދެވާނީއޭ؟”
“އާނ! ދެން ނުކިޔެވީމަ އޮންނާނީ އެކަމެއްނު!” މޫސަބެއާއި ސަލީމާގެ ކައިވެންޏަށް ޣަފޫރުގެ ސިކުނޑި ވެސް ތައްޔާރުކުރުމަކީ ކުރާންޖެހޭނެ ކަމެއްކަން ޖަމީލާ ހަނދާން ނައްތައެއް ނުލައެވެ.
“އާނ! ދެން އެ މީހަކު ވިޔާ ފޭއްޔެއްގެ ދުޅަނަގާނެ ގޮތް އެނގޭނީ އެ މީހަކަށް.” އަނެއް ފަރާތަށް އެނބުރި ޣަފޫރު ދެ ލޯ މަރައިލިއެވެ.
“ނިދަނީތަ؟”
“އާނ! މި ރޭ ވަރަށް ވަރުބަލި.”
ޖެހިގެން އައި ދުވަހަކީ، މާއިޝާގެ ހަޔާތަށް އައި އުފާވެރި ދުވަހެކެވެ. ހަފުތާއެއްހައި ދުވަހަށްފަހު، ބައްޕަ އެނބުރި މާލެ އައުމުންނެވެ. އިއްތިފާގުން އެ ދުވަސްވީ ބަންދު ދުވަހަކަށެވެ. އިސްކޫލަށް ދާން ނުޖެހޭ ދުވަހަކަށެވެ. އެހެންކަމުން ޣަފޫރު އެ ދުވަހު ފިހާރައަށް ނުދެއެވެ. މާއިޝާއާ އެކު ވަގުތު ހޭދަކޮށްލުމަށް ޓަކައި ގޭގައި މަޑުކުރީއެވެ.
މި ދަތުރުގައި މާއިޝާއަށް އެންމެ ފަހުގެ އައި ފޯނެއް ޣަފޫރު ގެނެސްދިނެވެ. އެއީ މާއިޝާއަށް ލިބުނު ފުރަތަމަ ފޯނެވެ. ފޯނު ދީފައި ޣަފޫރު ވަރަށް ގިނަ ނަސޭހަތް ދިނެވެ. ފޯނު ގެންގުޅޭންވާ ގޮތާއި ގެންގުޅެގެން ނުވާނޭ ގޮތްތައް ކިޔައިދިނެވެ. ފޯނުގެ ސަބަބުން އެކި މީސްމީހުންނަށް ލިބިފައި ހުރި ކެހިތަކާއި ދިމާވެފައި ހުރި ދެރަ ގޮތަތައް ހިއްސާކުރިއެވެ. ފޯނުގެ ބޭނުން ހިފާންޖެހޭނެ ރަނގަޅު ގޮތް ބުނެދިނެވެ. އެ ހުރިހައި ވާހަކައެއް މާއިޝާ އަޑުއެހިއެވެ. ގަބޫލު ވެސް ކުރިއެވެ.
ފޯނެއް ލިބުމުން މާއިޝާ ވަރަށް އުފާވިއެވެ. އެހެންނަމަވެސް ޖަމީލާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމާއި ނުރުހުމެވެ. ސަލީމާއަކަށް އަދިވެސް ފޯނެއް ނުލިބެއެވެ. ސަލީމާއަށް ފޯނެއް ގަނެދޭން ޖަމީލާ ކިޔާތާ އެތައް ދުވަހެކެވެ. އެކަން ކޮށްނުދީ މައިޝާއަށް ފޯނެއް ގަނެދިނުމުން ޖަމީލާގެ ހިތުރުޅި ވަރަށް ގަދަވިއެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެއެވެ. ސަލީމާ ގާތުގައި ވެސް އެ ވާހަކައެއް ނުބުނެއެވެ. ސަލީމާ ރަތަށް އަރާނެވަރު އެނގޭތީއެވެ.
އެ ދުވަހު ހަވީރު މާއިޝާ ގޮވައިގެން ޣަފޫރު ނިކުތީ ބޭރަށެވެ. ހުޅުމާލެއަށް ގޮސްލާށެވެ. އެނބުރި ގެއަށް އާދެވޭނީ ރޭގަނޑުކަމަށް ބުނެފައެވެ. އެހެންކަމުން ލިބުނު ފުރުސަތުގައި ޖަމީލާ ވެސް ގަސްތުކުރީ ބޭރަށް ގޮސްލާށެވެ. މޫސަބެއާ ބައްދަލުކޮށްލުމަށެވެ. މޫސަބެއާ ގުޅުން ބަދަހިކޮށްގެން އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ކިރިޔާ ވެސް ވަގުތެއް ލިބިއްޖެއްޔާ، އެ ގެއަށް ވަދެލައި، ހަދިޔާދީ ހެދުމަކީ، ޖަމީލާގެ މިހާރުގެ އާދައެކެވެ. މަގުސަދު ހާސިލުވާންދެން އެހެން އުޅޭންޖެހޭނެއެވެ.
ފެންވަރައި ރީތިވެލައިގެން ޖަމީލާ ނިކުތްއިރު، ސަލީމާ އުޅެނީ ކޮޓަރީގައެވެ. ޖަމީލާ ގޮސް އެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. ސަލީމާ އޮތީ އެނދުގައެވެ. ފެން ވެސް ނުވަރައެވެ. އޭނާ ފެންވަރަން ވަނީ ސަލީމާ ގާތުގައި ފެންވަރައި ތައްޔާރުވާށޭ ކިޔާފައެވެ.
“ދަރިފުޅާ ސަލީމާ!”
ޖަމީލާގެ އަޑަށް ސަލީމާ ބޯ އުފުލައިލައި ބަލއިލިއެވެ.
“އަދި ވެސް ފެން ނުވަރަނީ؟”
“އާނ! މިއަދު ނެތް ބޭރަށް ދާ ހިތެއް!”
“ބަލަ މޫސަބޭ ގާތަށް ދާށޭ މި އުޅެނީ. ފެން ނުވެރިޔަސް މޫނު ދޮވެލައިގެން އަވަހަށް ތައްޔާރުވެލާ! މާ ލަސްނުކޮށް އަންނަން ވެސް ޖެހޭނެ!” ޖަމީލާ ބޭނުންވަނީ މޫސަބޭ ގާތަށް ދާ ކޮންމެ ފަހަރަކު، ސަލީމާ ގޮވައިގެން ދާށެވެ. މޫސަބޭ ބޮޑަށް އުފާވާނީ އޭރުންކަމަށް އޭނާއަށް ގަބޫކުރެވޭތީއެވެ.
“މަ ނޫޅެން އެ މީހާގަނޑު ގާތަށް ދާހިތަކުން. މަންމަ ދޭ!” ސަލީމާ މޫނު ކުނިކޮށްލިއެވެ.
ސަލީމާ އެހެން މޫނު ހަދައިލިޔަސް އެ ވަރުން ދޫކޮށްލާކަށް ޖަމީލާ ނުހެދިއެވެ. މިހާރު މި އުޅޭ ގިނަ ކުދިން ނަރެއްހައިތަން ދޫކޮށްލައިފިއްޔާ، ކެނބެންހައިތަން ދަމައިގަންނާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ވަގުތުން ސަލީމާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެ، ވަރަށް ގާތް ގޮތަކަށް، އެހައިމެ ލޯބިން ސަލީމާގެ ބުރަކަށީގައި ފިރުމައިލިއެވެ.
“ދަރިފުޅު ތި އުޅޭ ގޮތުން މަންމަ ހާދަ ދެރަވޭ! މަންމަ މި އުފުލާ ބުރައާއި ވާ ގުރުބާނީއެއް ދަރިފުޅަކަށް ނުފެނޭތަ؟ އެ މާއިޝާ ދެ ކޮލުގައި ފުށްޖަހައިގެން، ފިރިހެނުންނަށް ތިއްތި ދެއްކެން، ކިޔެވުމުގެ ނަމުގައި ރެއާއި ދުވާލު ބޭރުގައި ތެޅޭއިރު، އެއިން ކަމަކާ އެއްޗެއް ނުބުނެ، ގޭގައި ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކޮށްގެން މި އިންނަނީ ހައްޓަށް ލުއިވެގެނެއް ނޫނޭ! އެ ގޮތް މޮޅުވެގެނެއް ވެސް ނޫނޭ! މި ގުރުބާނީގެ ބޭނުމަކީ ހަމަ އެންމެ ކަމެއް. އެ ދެ ބަފައިންނަށް ދޮންކަޅު ވެސް އަންގާނުލައި، މި ކަން ނިންމާލުން. ދަރިފުޅަށް ފެންނާނެ މަންމަ މި ތެޅޭ ތެޅުން. އެކަމަކު މިއިން ކަމަކާ ދަރިފުޅު ވިސްނައެއް ނުލާ! މޫސަބޭ ގާތުގައި ނުލާހިކު ބޮޑު ކަމަކު ކިއިފައި މި އޮތީ. އެ ވާހަކަ މީހެއްގެ ގާތުގައި އޭނާ ނުގޮތަކަށް ބުނެލިޔަސް، އަހަރެމެން ދެ މައިންގެ ދިރިތިއްބާ، ކޮށާ ކާޅަށް ކާންދޭނެ! އެހެންވީމާ އޭނާ ރުއްސައިގެން މި އޮތް ދުވަސްކޮޅު އުޅެންވާނީ. އެހެންނޫނީ….”
“ދެން…. މަންމަ ގޮސްބަލަ އޭނަ ރުއްސަން! ވަރަށް ފޫހިވޭ!” ޖަމީލާ އެ ހުރިހައި ވާހަކަ ދެއްކުމުން ވެސް ސަލީމާގެ ވިސްނުމަކަށް ބަދަލެއް ނައެވެ.
“މަންމަ ވެސް ފޫހިވެއޭ. އެކަމަކު މި ކަން ކާމިޔާބުވާންދެން ގޮތް ދައްކައިގެން އުޅެންޖެހޭނެއެއްނު!”
“މޫސަބެއާ މައިޝާ ދެވަންވީނު! އޭނަ ވެސް އެހެރީ ބޮޑުވެފައެއްނު މިހާރު!”
“މޮޔަ ވާހަކަ ނުދައްކާ!” ޖަމީލާގެ ގާތަށް ހިނިއައެވެ. “ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުމޭ! މިހާރު އެ އޮތް ފަސްގަޑި ބައިވަނީ.”
“މަންމަ އެކަނި ދޭ! މަށެއް ނުދާނަން!”
“މޫސަބެއަށް ގުޅާފަ މަންމަ ބުނީމޭ ދަރިފުޅު ގޮވައިގެންނޭ ދާނީ. އެހެންވީމައޭ މި ވަރަކަށް މި ކިޔަނީ.”
“މަންމަ ވެސް ބޭނުންވަނީ އެ މުސްކުޅި މީހާގެ އަތްމައްޗަށް އަހަރެން ދޫކޮށްލަން ދޯ!” ސަލީމާގެ ދެ ލޯ ފެންކަޅިވާންފެށިއެވެ.
“ތި ކަހަލަ ކުށްހީ ނުކޮށްބަލަ! މިކަން ކާމިޔާބު ވެއްޖިއްޔާ ހުރިހައި މޮޅެއް އޮތީ ދަރިފުޅަކަށްނު!”
“މަންމަ ގޮސް ބުނޭ އަހަރެން އުޅެނީ ބޮލުގައި ރިއްސާތިއޭ! އެހެން ދުވަހަކުން ދާނަމޭ!” ސަލީމާ ބަނޑުވަތަށްޖެހި، ބާލީހުގައި މޫނުޖަހައި ފިއްތާލިއެވެ. ނޭވާ ވެސް ނުލެވޭހައި ބާރަށެވެ.
“އެންމެ ރަނގަޅު! އެކަމަކު މާދަމާ ޖެހޭނެ ކޮންމެހެން ވެސް ދާން! ހަނދާންކުރާތި!” ނާއުއްމީދާ އެކު ޖަމީލާ ތެދުވެގެން ހިނގައިގަތެވެ.
ޖަމީލާ ކޮޓަރިން ނިކުތުމަށް ޓަކައި ހިނގައިގަތުމާ އެކު، ސަލީމާއަށް ރޮވިއްޖެއެވެ. މިކަމާ ކުރިމަތިލި އިރު، މި ފަދަ ގޮތެއް ވެދާނޭކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެ އުމުރުގެ މީހަކު އެ ފަދަ ޝަރުތެއް ހުށަހަޅައިފާނޭ ކަމަކަށް ވެސް ލަފައެއް ނުކުރެވެއެވެ.
އިރާކޮޅުގެ ވަގުތެވެ. ސަލީމާ އިނީ ސިޓިން ރޫމުގައި ޓީވީ ބަލާށެވެ. އޭރު ޖަމީލާވީ ކޮޓަރީގައެވެ. މޫސަބޭ ގާތަށް ގޮސްފައި އޭނާ ގެއަށް އައީ ދާދި ދެންމެއެވެ. އޭރު އަދި ޣަފޫރު ގެއަކަށް ނާދެއެވެ. އެއީ ޖަމީލާ ބޭނުންވި ގޮތެވެ. ޣަފޫރު އެނބުރި އަންނާންވާއިރަށް ގެއަށް އަންނާން އޭނާ ހުރީ ބޭނުންވެފައެވެ.
ޓީވީން ދައްކަމުން ދިޔަ ހިންދީ ޑްރާމާއަށް ގެއްލިފައި އިން ސަލީމާއަށް، ޑްރާމާގެ ފޯރީގެ ތެރެއިން ނިކުންނަށް މަޖުބޫރުކޮށްފިއެވެ. ގޭ ދޮރޯށި ހުޅުވުނު އަޑަށެވެ. ޣަފޫރާއި މާއިޝާ ގެއަށް އައީކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އަވަސްއަވަހަށް ރިމޯޓް ނަގައި، ޓީވީގެ އަޑު މަޑުކޮށްލިއެވެ. ސޯފާއަށް އަރުވާފައި އޮތް ދެ ފައި ތިރިއަށް ވައްޓައިލައި، ސޯފާގައި ރީތިކޮށް އިށީނދެލިއެވެ. އެ ވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ މާއިޝާގެ އަޑެވެ. ކޮންމެވެސް މީހަކާ ވާހަކަދައްކަމުން އަންނަ އަޑެވެ.
ގެއަށް ވަނީ މާއިޝާ އެކަންޏެވެ. ޣަފޫރެއް ނުވަދެއެވެ. މާއިޝާ ގޭދޮށަށް ބާލާފައި ޣަފޫރު ދިޔައީ މިސްކިތަށެވެ. މާއިޝާ ހިނިއައިސްފައި ހުރެ ފޯނުން މީހަކާ ވާހަކަދައްކަމުން ގެއަށް ވަދެގެންދާތަން ފެނުމުން ސަލީމާގެ ދެ ލޯ ބޮޑުވިއެވެ. ކަޅިޖަހައިނުލައި އޭނާއަށް ބަލާންފެށުނީ، މާއިޝާގެ އަތުގައި އޮތް ފޯނަށެވެ. އަނގަ ހުޅުވި ބަސްހުއްޓިފައި ހުރި ސަލީމާއާ ދިމާއަށް، އެންމެ ފަހަރަކު ވެސް މާއިޝާއަށް ބަލައިނުލެވުނެވެ. އެ މީހަކާ ވާހަކަދައްކަމުން، އެ ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ.
ފެނުނު މަންޒަރެއްގެ ސަބަބުން، ސަލީމާގެ މޫނު ވަތުން ތަޣައްޔަރުވެއްޖެއެވެ. ޝައުޤުވެރިކަމާ އެކު ބަލަމުން ދިޔަ ޑްރާމާ މަތިން ފޫހިވެ އަވަދިވެއްޖެއެވެ. އެ އިން ތަނުން ތެދުވެގެން ހިނގައިގެންފިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން އެ ދިޔަ ގޮތަށް ގޮސް، ޖަމީލާގެ ކޮޓަރީ ދޮރުގައި ޓަކިތަޅައިގަތެވެ.
“ކިހިނެއްވީ މާވަރަކަށް ތި ތަޅައިގަތީ؟ ތަނެއްގައި ރޯވީތަ؟” ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް ޖަމީލާ ދޮރުހުޅުވި އިރު، ކުރިމަތީގައި ހުރީ މޫނުހަދައިގެން ހުރި ސަލީމާއެވެ. “ކޮންކަމަކާ މިހާރު ރުޅި އައިސްފައި ތިހިރީ؟”
“ރުޅި ނައްޔާ ދެރައެއްނު!” ސަލީމާ ވަގުތުން ކޮޓަރިއަށް ވަނެވެ. “އެންމެ ފަހުން އެ މާއިޝާއަކަށްނު ފޯނެއް އެ ގަނެދިނީ” ޖަމީލާއަށް އިވުނީ ސަލީމާގެ ނުރުހުމުން ފޯވެފައިވާ އަޑެވެ.
“ދެން….؟ ދެން މަންމަ ކީއްކުރަންވީ؟” ޖަމީލާއަށް އެކަން އޮތީ ކުރިން އެނގިފައެވެ.
“ނޭނގެ މަށަކަށް!” ނުރުހުމާ އެކު ޖަމީލާއާ ދިމާއަށް ސަލީމާ ކަޅިއަޅައިގަތެވެ.
“ދެން މަންމަ ދެކެ ކޮން ރުޅިއެއް ތި އަންނަނީ؟ މަށެއް މީހަކަށް ފޯނެއް ގަނެއެއް ނުދެން!”
“ހެވޭ! ޣަފޫރުބޭ ގާތުގައި ބުނޭ މަށަށް ވެސް ހަމަ އެ ކަހަލަ އައި ފޯނެއް ހޯދައިދެށޭ!”
“ބޭކާރު ވާހަކަ ދެއްކުން ހުއްޓާލާ! ފޯނާ ބޯނާ ބޭނުންވާ މީހަކު އުޅޭހެނެއް ނޫން ތި އުޅެނީކީ! މޮޅެތި ފޯނު ބޭނުންވާ އިރު، އެހައި ހިތްވަރެއް ނުހުރޭ!”
“މަންމަ ތި ބުނަނީ އަހަންނަށް ދެން މި ދުނިޔޭގައި ހަމަޖެހިގެން ނޭވާއެއް ވެސް ލެވޭނީ، އެ މުސްކުޅި މޫސަބެއާ އިނދެގެންނޭތަ؟” ސަލީމާގެ ގާތަށް އައިސްފައިވާ ރުޅި ވަކީން ބޮޑަށް ގަދަވިއެވެ.
“ހިތްވަރެއް ހުރެގެން ކަންކަން ހާސިލުވާނީ. ކޮޓަރިއަށް ގޮސް ތަންކޮޅެއް ފުންކޮށް ވިސްނާލަބަލަ!” ޖަމީލާ ފާހާނާއަށް ވަދެ ދޮރުލެއްޕިއެވެ.
ޣަފޫރު އެ ރޭ ފިހާރައަށް ދިޔައެވެ. ގެއަށް އާދެވުނީ އެގާރަ ވެސް ޖެހިފަހުންނެވެ. އޭރު ޖަމީލާ ސިޓިންރޫމުގައި އިނެވެ. ޣަފޫރުގެ އިންތިޒާރުގައެވެ. ކުރީ ރޭ ޣަފޫރު މާ ގަޔާނުވާ ކަހަލަ ގޮތަކަށް އުޅުނީތީއާއި މިއަދު ތަންކޮޅެއް ދުރުން އުޅޭތީ، މި ރޭ އޭނާ އެ އިނީ އެ ވަރު ވިސްނައިގެންނެވެ.
ޣަފޫރު އައިސް ވަނުމާ އެކު ޖަމީލާ ތެދުވިއެވެ. ހިނިތުންވެލާފައި އައިސް ޣަފޫރު ގާތަށް ހުއްޓުނެވެ. ފުރަތަމަ ވެސް އެހީ ކައިފިންތޯއެވެ. ޣަފޫރު މި ރޭ ކާކަށް ބޭނުމެއް ނުވިއެވެ. ކާހިތެއްނެތޭ ބުނެފައި، ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ޖަމީލާ ވެސް ކޮޓަރިއަށް ވަނެވެ.
“ކަމަކާ ނުރުހިފަތަ ތި ހުންނަނީ؟” ނުކުރަން އުޅުނު ސުވާލު އެންމެފަހުން ޖަމީލާ ކުރިއެވެ. އެއްޗެހި ބަދަލުކުރާން ޣަފޫރު ހުއްޓައެވެ. އޭރު ނޭނގޭ ބިރުވެރިކަމެއްގެ ތެރެއަށް އޭނާގެ ހިތް އޮތީ ފެތިފައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި އެ ހިތް ބުނަމުން ގެންދެއެވެ.
ޖަމީލާގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޣަފޫރު ގޮސް ވަނީ ފާހާނާއަށެވެ. ޖަމީލާ އެނދުމަތީގައި އިށީނދެލައިގެން އިނެވެ. ނުތަނަވަސްކަމެއްގައެވެ. ހައްތާ ވެސް ހުރީ ކަންބޮޑުވެ، ފިކުރު ބޮޑުވާންޖެހޭ ފަދަ ކަންކަމެވެ. އޭނާއަށް މިހާތަނަށް ގޯސްކޮށް އެތައް ކަމެއް ވަނީ ކުރެވިފައެވެ. ޣަފޫރަށް ސިއްރުން އެތައް ނުބައެއް އެބަ ހެދެއެވެ. ޔަގީނެވެ. މާއިޝާ ކޮންމެވެސް އެއްޗެކޭ ޣަފޫރު ގާތުގައި ކިޔައިފިއެވެ.
“އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟” ނިދަން އޮވެފައި ޖަމީލާ އަހައިލިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ.
“މޫސަބޭ ކިޔާ މީހަކު ދަންނަންތަ؟”
ޣަފޫރުގެ އެ ސުވާލާ އެކު ޖަމީލާއަށް ހީވީ އޭނާގެ ކަންކަށިމަތީގައި މީހަކު ހޫނު އެތިފަހަރެއް އެޅިހެންނެވެ. ބޮލަށް ފާޑެއްގެ އެނބުރުންގަނޑެއް ވެސް އަރައިގެންފިއެވެ. ޣަފޫރު އެ ކުރީ، ކޮށްފާނޭކަމަށް އޭނާ ކުޑަކޮށް ވެސް ހީކުރި ފަދަ ސުވާލެއް ނޫނެވެ. އޭނާއަށް ހީކުރެވިފައި އޮތީ މާއިޝާ ކޮންމެވެސް ވާހަކައެއް ދައްކައިގެން އެ ކަމާ ނުރުހިގެން ޣަފޫރު އުޅެނީ ކަމަށެވެ.
“ކީއްވެ އެއްޗެއް ނުބުނީ؟” ޣަފޫރުގެ އަޑުގައި ހަރުކަށިގޮތެއް ނެތެވެ. ހުރީ މަޑުމައިތިރިކަމެވެ.
“ތި ނަން ކިޔާ މީހަކު ހަނދާނަށް އާދޭތޯ މި ބަލަނީ.” ޖަމީލާ އަވަސްއަވަހަށް ބުންޏެވެ. “މޫސަބޭ ކިޔާ މީހެއް އަދި ހަނދާނަކަށް ނާދޭ!”
“ތި ބުނީ ހަމަ ތެދުތަ؟”
“މިހާރު ޝައްކު ވެސް ކުރަންފެށީތަ؟”
“ޝައްކެއް ނުކުރަން!”
“އަހަރެން ޣަފޫރާ އިނދެގެން ހުރެ އެހެން ފިރިހެނަކާ ގުޅުން ބާއްވަފާނޭކަމަށް ހީނުކުރައްޗޭ!” ހިތާމައިގެ ކުލައިން ޖުމުލައިގެ ކުލަ ބަދަލުކޮށްލައިފައި ޣަފޫރުގެ ސިކުނޑިއަށް އަމާޒުކޮށް ޖަމީލާ ފޮނުވައިލިއެވެ.
“ރޭ އަހަރެން ގެއަށް އައިސް ވަންއިރު ޖަމީލާ ނިދާފައި އޮވެ، މޫސަބެއަކާ ވާހަކަ ދައްކާ އަޑު އިވިގެން މި ސުވާލު މި ކުރީ.”
ޣަފޫރުގެ މި ޖުމުލައިން ވީ ގޮތް ޖަމީލާއަށް ރަނގަޅަށް ސާފުވެއްޖެއެވެ. ކުރީ ރޭ ފެނުނު ހުވަފެނުގެ މަތިން ވެސް ހަނދާން ވެއްޖެއެވެ. މޫސަބޭ ގާތަށް އޭނާ ދިޔައީ އޭނާގެ މަގުސަދު ހާސިލުކޮށްދޭތޯއެވެ. ގޮސް އެ ވާހަކަ ބުނާއިރަށް މޫސަބޭ ކުރަންފެށީ ސަމާސާއެވެ. އެ ފަދަ ސަމާސާއަކަށް ވަގުތު ނެތީމާ ޖަމީލާ އެދެމުން ދިޔައީ، އަވަހަށް އެކަން ކޮށްދިނުމަށެވެ. އޭރު ދެކެވުނު ވާހަކަތައް ޣަފޫރަށް އިވުނީތާއެވެ.
ޖަމީލާ ވަރަށް ކަންބޮޑުވިއެވެ. ހާސްވިއެވެ. އަނެއްކާ ކިޔުނީ ކީކޭ ބާވައެވެ؟ ކޮންމެ ގޮތެއްވިޔަސް، މިއީ ނުރައްކާތެރި ދަނޑިވަޅެކެވެ. މި ވަގުތު އަނގަބެދި ބަސް ހުއްޓި ބުނާނޭ އެއްޗެއް ނޭނގި އޮވެގެން ނުވާނެއެވެ. ހުވަފެނަކީ ހަގީގަތެއް ނޫނެވެ. އެކަން ޣަފޫރަށް ވެސް އެނގެންވާނެއެވެ. އެހެންކަމުން ކަންބޮޑުވުމާއި ހާސްކަމުގެ މައްޗަށް ހަމަޖެހުން ވެރިކުރެވޭތޯ މަސައްކަތްފަށަމުން އޭނާ ފެށީ ހޭށެވެ.
“އެކަމާތަ ޣަފޫރު ހިތްހަމަނުޖެހިގެން ތި އުޅެނީ؟ އެކަމަކުވާ! ހުވަފެނުން ދެއްކޭ ވާހަކަތަކަށް އިތުބާރުކޮށް، ތި ގޮތަށް ވާހަކަނުދައްކާ މީހުން ތިބޭތަ؟” ހެމުންހެމުން ޖަމީލާ ވާހަކަދެއްކިއެވެ.
ޖަމީލާގެ ފަރާތުން ފެނުނު މަންޒަރުގެ ސަބަބުން ޣަފޫރުގެ ހިތުގައި ރޯވި ޝައްކުގެ ހުޅުކޮޅު ކަނިވެ ނިވިއްޖެއެވެ. ގޯހެއް އުޅޭ ނަމަ، އެ ގޮތަށް ހެވިފައި ނޯވެވޭނެއެވެ. ނުތަނަސްކަމާއި ހާސްކަން ފެންނާނެއެވެ. ބަސްހުއްޓި އަނގަ އޮޅޭގޮތް ވާނެއެވެ.
“ނޭނގޭނެ ދޯ! ހަމަ މޫސަބެއަކާ ގާތް ގުޅުމެއް އޮތީމާ ފެނުނު ހުވަފެނަކަށް ވެސް ވެދާނެއެއްނު!” މި ފަހަރު ޣަފޫރު ވެސް ވާހަކަ ދެއްކީ ހެވިފައި އޮވެއެވެ. “އަސްލު ކޮން ހުވަފެނެއްތަ ފެނުނީ؟”
“ހަނދާނަކަށް ނާދޭ ފެނުނު ހުވަފެނެއް.” ޣަފޫރުގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ފެނިފައި، ޖަމީލާގެ ހިތަށް ހަމަޖެހުން ލިބުނެވެ.
ޓިއުޝަނުން ނިމިގެން ގެއަށް ދިޔުމަށް ޓަކައި މާއިޝާ ބައްޕައަށް ގުޅިއެވެ. ބަލާ އާދެވޭތޯ ބަލައިލުމަށެވެ. އޭރު އިރު އޮއްސި އަށެއް ޖަހައި ބޮޑުވެއްޖެއެވެ. މާއިޝާ ގުޅިއިރު، ޣަފޫރުގެ ފޯނު އޮތީ ނިވިފައެވެ. ދެ ފަހަރަށް ތިން ފަހަރަށް ގުޅުމުން ވެސް ބުނަނީ، ނިވާލާފައި އޮތް ވާހަކައެވެ. މާއިޝާ ކަންބޮޑުވިއެވެ. މިއީ އަދި މި މަހު އަލަށް ފެށި ޓިއުޝަނެކެވެ. ގެއާ ވަރަށް ދުރުގައި ހުރި ޓިއުޝަން ކުލާހެއްކަމުން، އެކަނި ހިނގާފައި ގެއަށްދާން އޭނާ ޖެހިލުންވިއެވެ. އަތުގައި އޮތީ އެންމެ ފަނަރަ ރުފިޔާއެވެ.
މާއިޝާ އިރުކޮޅަކު މަގުމަތީގައި މަޑުކޮށްލިއެވެ. ބައްޕަގެ އިންތިޒާރުގައެވެ. ފޯނު ނިވިފައި އޮތް ނަމަވެސް ބައްޕަ އަންނާނެއޭ ހިތް ބުނާތީއެވެ. ދިހަވަރަކަށް މިނެޓް ވީ އިރު ވެސް ބައްޕަގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން މާއިޝާ ނިންމީ ގެއަށް ދިޔުމަށް ޓަކައި ހިނގައިގަންނާށެވެ. އޭރު އޭނާގެ ހިތުގައި ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައެވެ.
މާވެޔޮމަގުން އުތުރަށް ހަލުއި ފިޔަވަޅުތަކެއްގައި މާއިޝާ ކުރިއަށް ދިޔައެވެ. މާވެޔޮމިސްކިތާ ހަމައަށް ދިޔަތަނާ އޭނާގެ ލޮލުގައި އަޅައިގަތީ، އިޝާނަމާދުކޮށް ނިމިގެން މިސްކިތުން ފޭބި މީހުންތަކުގެ ތެރެއިން ޝާހިރު ފައިބާތަނެވެ. ޝާހިރު ފެނުމުން މާއިޝާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އިޚުތިޔާރެއް ނެތި ހުއްޓެވުނެވެ. ޝާހިރަށް މާއިޝާ ފެނުނީ މަގަށް ނިކުތްފަހުންނެވެ. ޝާހިރު ވަގުތުން އަތް އުފުލައިލިއެވެ. ހިނިތުންވެލަމުންނެވެ. މާއިޝާއަށް ހުރެވުނީ ޝާހިރާ ދިމާއަށް ބަލާށެވެ.
ޝާހިރު އަވަސްއަވަހަށް މާއިޝާއާ ދިމާއަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތަށް ވަނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެއް ވެރިވެފައެވެ. ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށް މާއިޝާ އޭނާއަށް އިންތިޒާރުކުރާތަން ފެނުމުންނެވެ. މާއިޝާ ފެނޭތޯ، އޭނާ އެހިސާބަށް ނާންނަ އެއް ދުވަސް ވެސް ނުދާނެއެވެ.
“އަހަންނާ އެކު ގެއާ ހަމައަށް ހިނގައިދާނަންތަ؟” ޝާހިރު އައިސް ހުއްޓުމާ އެކު މާއިޝާއަށް ބުނެވުނެވެ.
“އާނ! އަވަހަށް ހިނގާ!” ޝާހިރަށް ލިބުނު އުފާ ފަސް ހަ ގުނައަށް އުފުލުނެވެ.
ޝާހިރާ އެކު މާއިޝާ ގެއަށް ދިޔުމަށް ޓަކައި ހިނގައިގަތެވެ. ދެ މީހުންގެ ދެމެދުގައި ފުރަތަމަ އޮތީ ހަމަހިމޭންކަމެކެވެ. އެކަން ފޫދުއްވާލައިފައި، ފުރަތަމަ ވާހަކަދައްކަން ފެށީ ޝާހިރެވެ. މާއިޝާ ވެސް ފަހުން ވާހަކަ ދައްކަން ފެށިއެވެ. ތަންކޮޅަކަށް އާދެވުނުތަނާ، މާއިޝާއަށް ފޯނެއް އަންނާން ފަށައިފިއެވެ. ނުދަންނަ ނަންބަރަކުންނެވެ.
“ދަރިފުޅާ!” މާއިޝާގެ ކަންފަތުގައި ޖެހުނީ ބައްޕަގެ އަޑެވެ. “ބައްޕަގެ ފޯނު ނިވުނީއޭ ދަރިފުޅާ!”
“އާނ! ބައްޕައަށް ގުޅިއިރު ފޯނު ނިވައިލާފައޭ ބުނީ.”
“ފިހާރައިން ކަރަންޓު ކެނޑިގެން މި އުޅެނީ. އެހެންވެ ބައްޕަ ހަނދާން ވެސް ނެތުނީ ދަރިފުޅު ނިމޭ ގަޑިއަށް ދާން! އެކަމަކު އިރުކޮޅަކުން މި ދަނީ އިނގޭ!”
ބައްޕައަށް ނުގުޅުނީމަ މިހާރު މި ދަނީ ގެއަށް.”
“އެކަނި ގެއަށް ދާން އެނގޭތަ؟”
“އާނ! މިހާރު ގެއާ ވަރަށް ކައިރި ވެއްޖެ!”
“މި ރޭ މިހެން ދިމާވިޔަސް އިރާދަކުރެއްވިއްޔާ ދެން އެހެނެއް ނުވާނެ! އިނގޭ” އިރުކޮޅަކު ވާހަކަ ދައްކާލައިފައި ޣަފޫރު ފޯނު ބޭއްވިއެވެ.
“މިހާރު ފޯނެއް ވެސް ގަތީތަ؟” މާއިޝާ ފޯނު ބޭއްވުމުން ޝާހިރު ފުރަތަމަ ވެސް ސުވާލުކޮށްލީ ފޯނާ ބެހޭގޮތުންނެވެ.
މާއިޝާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.
“ނަންބަރު ދޭންވީނު!”
“އެއީ ކީއްކުރަން؟” މާއިޝާ ހިނިއައިސްފައި ހުރެ ޝާހިރުގެ މޫނަށް ބަލައިލިއެވެ.
“އޭރުންނެއްނު ގުޅާލެވޭނީ.”
“ގުޅާކަށް ނުވާނެ!”
“ކޮބާ މައްސަލައަކީ؟”
“އަހަރެމެން އެހައި ރައްޓެހިތަ؟” މާއިޝާގެ ވާހަކަ ހުންނަ ގޮތުން ޝާހިރު ވަރަށް ވާހަކަދައްކާހިތްވެއެވެ.
“ތި ބުނީ؟”
“މި ބުނީ ފޯނުކުރާހައި ރައްޓެހިހޭ؟”
“އާނ! ރައްޓެއްސެއްނު! ހަމަ ގައިމު ވެސް އަހަރެން ވަރަށް ރައްޓެހި މާއިޝާއާ.”
“ސީރިޔަސްލީ؟”
“ހޫނ! ދެން ދީބަލަ ނަންބަރު!” ޝާހިރު ވާހަކަ ދެއްކީ ހިނިއައިސްފައި ހުރެއެވެ.
“ހަމަ ދޭންވީ؟” ސުވާލުގެ ނަޒަރަކުން ޝާހިރުގެ މޫނަށް މާއިޝާ ބަލައިލިއެވެ.
“އާނ! ހަމަ ދޭންވީ. އެކަމަކު މަޖުބޫރެއް ނޫން!” ޝާހިރު އަވަސްއަވަހަށް ބުންޏެވެ.
“އެކަމަކު ބައްޕަ ގާތުގައި ނާހާ ދޭކަށް ނުކެރޭނެ!”
“އޭ…..! ނޫނޭ! ބައްޕަ ގާތުގައި ނާހައްޗޭ! އޭރުން ކަމަކު ނުދާނެ!”
“ބައްޕަ އޮތީ ބުނެފަ ބައްޕަ ގާތުގައި ނާހައި އެއްވެސް މީހަކަށް ފޯނު ނަންބަރު ނުދެއްޗޭ!”
“މޮޔަ ކުއްޖާ!” ޝާހިރަށް މަޑުމަޑުން ކިޔައިލެވުނެވެ. އޭރު މާއިޝާމެން ގެއާ ވަރަށް ކައިރިއަށް ދެވިއްޖެއެވެ.
“ކީކޭ ބައްޕަ ގާތުގައި އަހާނީ؟”
“ޝާހިރަށް ނަންބަރު ދިނަސް އޯކޭހޭ!”
“ބައްޕައަކަށް ނޭނގޭނެ އަހަންނަކީ ކާކު ކަމެއް.”
“މަ ކިޔައިދޭނަމޭ ކާކުކަން.”
“ކިހިނެއް ކިޔައިދޭނީ؟”
“ބުނާނީ……” ޝާހިރުގެ މޫނަށް ފަރުވާތެރި ނަޒަރަކުން މާއިޝާ ބަލައިލިއެވެ. “ބުނާނީ… އެއީ ޝާހިރު ކިޔާ ކުއްޖެކޭ. ވަރަށް ރަނގަޅު ކުއްޖެކޭ. ވަރަށް ރީތި ވެސް ވާނޭ. އަހަރެން ވަރަށް….”
ފަހަތުން އައި ސައިކަލެއްގެ ބަރުގޮނު އަޑާ އެކު، މާއިޝާ ބުނަން އުޅުނު ޖުމުލަ މެދުކެނޑުނެވެ. ލިބުނު ސިހުމާ އެކުގައެވެ. އޭނާ އަވަސް އަވަހަށް މަގުގެ އެއް ފަރާތަށް ޖެހުނެވެ. ސައިކަލަށް ތަންދިނުމުގެ ގޮތުންނެވެ. ފަހަތުން އައި ސައިކަލު، ހަލުއި ދުވެލީގައި ކުރިއަރައިގެން ހިނގައްޖެއެވެ. މީހެއްގެ ހިތަށް ކިހައި ބޮޑު އަނިޔާއެއް ދެވުނުކަމެއް އޭނާ ނުދެނަހުއްޓެވެ.
“މި އާދެވުނީ ގެއަށް. ދެން ދަނީ އިނގޭ!”
ޝާހިރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. މާއިޝާ ވަދެގެން ހިނގައްޖެއެވެ.
އެ ސައިކަލުގައި އިނީ ކާކުކަން ނޭނގުނު ނަމަވެސް ޝާހިރުގެ ހިތުގައި އެ މީހާއާ ދޭތެރޭ ރުޅިވެރިކަމުގެ ބިޔަ ރާޅެއް އުފުލުނެވެ. މާއިޝާ ބުނާން އެ އުޅުނު ޖުމުލަ އޭނާގެ ސަބަބުން ފުރިހަމަ ނުކުރެވުނީމައެވެ.
އެ ރީތި އެ އުފާވެރި ޖުމުލަ ނިމޭންދެން އަޑުއަހައިލާ ހިތުން ހުރި ޝާހިރަށް އެ ނަސީބެއް ނުލިބުނެވެ. އޭނާއަށް ދަތްކުނޑިވިކައިގަނެވުނެވެ. ދެ އަތް މުށްކަވައިލެވުނެވެ. އެ ހުރި ފިޔަވަޅު މަތީގައި ހުއްޓި އެތައް އިރަކު އޭނާއަށް ހުރެވުނެވެ. މި ދިމާވީ ކިހައި ދެރަ ގޮތެއް ހެއްޔެވެ؟ ފޯނު ނަންބަރު ވެސް ލިބުނީއެއް ނޫނެވެ. ނަންބަރު ނުދިނަސް، ބުނާން އުޅުނު ޖުމުލަ ފުރިހަމަކޮށްލާފައި ދިޔަ ނަމައެވެ. މި ކަމުގައި ވެސް ކޮންވެސް ރަނގަޅެއް އޮންނާނެއެވެ.
މާއިޝާއާ އެކު އެ ގެއާ ހަމައަށް ކުރެވުނު ކުރު، އެހެނަސް ފޮނިފޮނި ދަތުރަށް ފަހު، ޝާހިރުގެ ހިތުގައި ކުރެހިފައިވާ މާއިޝާގެ ސޫރަ ބިންވަޅުނެގުނެވެ. މާއިޝާއަށް ޓަކައި އެ ހިތުގައި އުފެދުނު ޖާގަ އިތުރަށް ތަނަވަސްވެ ބޮޑުވިއެވެ. އަބަދާއި އަބަދު މާއިޝާ ދެކޭހިތްވާން ފެށިއެވެ. އެހެންކަމުން އެ ގޭ ދޮށުން މުގޯލި އެޅުން އިތުރުވިއެވެ.
މިއަދަކީ ވެސް އެ ފަދަ ދުވަހެކެވެ. ކައިރީ ފިހާރައަކަށް މާއިޝާ ގޮސްފައި އެނބުރި ގެއަށް ދަނިކޮށް، ޝާހިރަށް މާއިޝާ ފެނިއްޖެއެވެ. ޝާހިރު ވަގުތުން އެ ދިމާއަށް ދުއްވައިލިއެވެ. ޒޯނުގައި ސައިކަލް ބަހައްޓާފައި އައިސް މާއިޝާއާ އަރައި ހަމަކުރިއެވެ.
“މާއިޝާ!”
މާއިޝާ އެނބުރި ބަލައިލިއެވެ. ފެނުނީ ހިނިތުންވެފައި ހުރި ޝާހިރެވެ.
“އާނ! ޝާހިރު ދޯ! ކިހިނެއްވީ؟”
“ކަމެއްނުވޭ! ފެނުނީމަ ހަމަ އައިސްލީ.”
“މިއަދު އޯކޭ ނަޔަސް! އެކަނި ކެރޭނެ ގެއަށްދާން!” މަޖާވެފައި މާއިޝާ ހިނިގަނޑެއް ޖަހައިލިއެވެ.
“އެނގޭ! މިއަދު އަހަރެން ކަމަކު ކިޔަން މި އައީ.”
“ކޮން ކަމަކު؟” މާއިޝާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ.
“ކޮށްދޭނަން؟”
“ބުނީމަ އެނގޭނީ.”
“ފޯނު ނަންބަރު ދީބަލަ!”
“އަދި ބައްޕަ ގާތުގައި ނާހަމޭ!”
“ދެން…!” ޝާހިރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ހަމަ އަސްލު ވެސް. ދޮގެއް ނޫނޭ!”
“އެހެންވިއްޔާ ނަންބަރަކަށް ގުޅާލަން ފޯނު ދީފާނަންތަ؟”
“އޯކޭ!” ދަބަހުން ފޯނު ނަގަން މާއިޝާ އުޅުނެވެ.
“ފޯނު ނުދޭކަށް ބައްޕަ ނުބުނޭ ދޯ!”
“އާނ!” ހިނިއައިސްފައި ހުރެ މާއިޝާ ފޯނު ދިއްކޮށްލިއެވެ.
“ޕިން ކޯޑެއް ވެސް ނުޖަހަން ދޯ!” ޝާހިރު އަވަސް އަވަހަށް ނަންބަރަކަށް ޑައިލް ކޮށްލިއެވެ. ކަންފަތުގައި ޖައްސާލުމަށް ފަހު ރިންގުވުމުން ކަނޑައިލިއެވެ. އެއަށްފަހު މާއިޝާ އަތަށް ފޯނު ދިނެވެ.
“ނިމުނީ؟” ފޯނުގައި ހިފަމުން ސުވާލުގެ ނަޒަރަކުން ޝާހިރުގެ މޫނަށް މާއިޝާ ބަލައިލިއެވެ.
“އާނ! ރިންގުވޭތޯ ބަލައިލީ.”
“ދެން ދަނީ އިނގޭ!” ފޯނު ދަބަހަށް ލަމުން މާއިޝާ ގެއާ ދިމާއަށް ހިނގައިގަތެވެ. ޝާހިރު އެ ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. މާއިޝާއާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ހަށިގަނޑަށް ހަރަކާތެއް އައީ މާއިޝާ ގެއަށް ވަމުންނެވެ. އޭނާގެ ލޯ މަތިން ގެއްލުމުންނެވެ.
އެ ރޭ މާއިޝާ ނިދަން އޮށޯންނަން އުޅެނިކޮށް، ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. ނުދަންނަ ނަންބަރަކުން އައި މެސެޖެކެވެ. މާއިޝާ މެސެޖް ހުޅުވައި ކިޔައިލިއެވެ.
“ނިދީތަ؟”
ނުދަންނަ ނަންބަރަކުން އައި މެސެޖެއްކަމުން އެ މެސެޖަށް ޖަވާބެއް ދޭކަށް މާއިޝާ ބޭނުމެއް ނުވިއެވެ. ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމާއި މެސެޖް ނުކުރުމަށް ފޯނު ދިން ދުވަހު އޭނާގެ ބައްޕަ ވަނީ ބުނެފައެވެ. އެހެންކަމުން މެސެޖް ކިޔައިލުމަށްފަހު ފޯނު ބާއްވާފައި އޭނާ އޮށޯތީއެވެ.
ހެނދުނު ހޭލައި ފޯނު ބަލައިލި އިރު އެ ނަންބަރު ތިން ހަތަރު މެސެޖް އައިސްފައި އޮތެވެ. ނިދީތޯ ދެ ފަހަރު އަހާފައި އޮތެވެ. ހޭލައި އުޅެންޏާ ރިޕްލައިކޮށްލަ ދިނުމަށް އެދިފައި އޮތެވެ. މާއިޝާ މަތިން ހަނދާންވާ ވަރުން ނުނިދިފައި އޮތް ވާހަކަ ވެސް ލިޔެފައި އޮތެވެ. އެންމެ ފަހުން އޮތީ، ގްޑްނައިޓް ކިޔާފައެވެ. އެއީ އެއް ގަޑި ސަތާރަ މިނެޓްގައެވެ.
“އަނެއްކާ މީ ޝާހިރުގެ ކަމެއް ބާ؟” އިރުކޮޅަކު ވިސްނާން ހުރެފައި މާއިޝާއަށް ހިތާހިތުން ބުނެލެވުނެވެ.
“ތީ ކާކު؟” ވަރަށް ނާހަން ހުރެފައި މެސެޖަކުން މާއިޝާ ސުވާލުކޮށްލިއެވެ.
“ކާކުހެން ހީވަނީ؟” ވަގުތުން މެސެޖް އަތުވެއްޖެއެވެ. ހީވީ މާއިޝާގެ މެސެޖެއްގެ އިންތިޒާރުގައި ފޯނު ނަގައި އަތަށް ލައިގެން ބަލަން ހުރި މީހެއް ހެންނެވެ.
“ނޭނގެ! ހިޔެއް ނުވޭ!”
“ހީވާނެ! ތި ހީވީ ހަމަ ރަނގަޅަށް. މީ ހަމަ އޭނަ.” ހިނިގަނޑަކާ އެކު މެސެޖް އައެވެ.
“މި ބުނީނު ހިޔެއް ނުވެއޭ. އަޅެ ނަން ފެށޭ އަކުރު ބުނެދީބަލަ!” ޝާހިރުކަން ޔަޤީންވުމުން މާއިޝާ ހިނިއައިސްފައި ހުރެ ލިޔެލިއެވެ.
“އެމް”
“އެމް؟؟؟ އޯހހހ…. އެހެންވިއްޔަކާ ނޭނގެ! ދެން މި ފޯނަށް މެސެޖް ނުކުރާތި!” މާއިޝާ ވަގުތުން ހުރިހައި މެސެޖެއް ޑިލީޓްކޮށްލިއެވެ.
މާއިޝާ ފޯނު ބާއްވާފައި ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ހަމަ އެވަގުތު އަނެއްކާ ވެސް ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. ނުބަލަން ހުރެފައި ވެސް ބަލައިލާން އޭނާ ބޭނުންވިއެވެ. ނަގައި ބަލައިލި އިރު، މެސެޖު އައިސްފައި އޮތީ ހަމަ އެ ނަންބަރުންނެވެ.
“އެމް އަށް ތިހާ ބޮޑަށް ނަފުރަތުކުރަނީ ކީއްވެ؟ އެއީ ކިހައި ސްޕެޝަލް އަކުރެއް! އެމް ފޯ މޫން، އެމް ފޯ މަނީ، އެމް ފޯ މޫވީ، އެމް ފޯ މަދަރ. އެމް ފޯ މޯރަލް.”
މެސެޖް ކިޔާލުމަށްފަހު ފުރަތަމަ މާއިޝާ ނިންމީ ރިޕްލައި ނުކުރާށެވެ. އެހެންނަމަވެސް ފަހުން ޚިޔާލު ބަދަލުވެއްޖެއެވެ. ބޭނުންވީ، އެ މީހާ އެ ލިޔުނު ކަހަލަ ލިސްޓެއް ލިޔެލާށެވެ.
“އެމް ފޯ މަޑް، އެމް ފޯ މޭޑް. އެމް ފޯ މޫޑީ، އެމް ފޯ މަރޑަރ، އެމް ފޯ މެސް، އައި ހޭޓް އެމް! ބައި!” މެސެޖް ފޮނުވާލައިފައި މާއިޝާ ގޮސް ވަނީ ފާޚާނާއަށެވެ. އިސްކޫލަށް ދާން ތައްޔާރުވާން އެބަ ޖެހެއެވެ. އިރުކޮޅަކުން ބައްޕަ އައިސް ގޮވާނެއެވެ.
ފާޚާނާއިން ނިކުމެ މާއިޝާ ފޯނު ނަގައި ބަލައިލިއެވެ. އޭނާ ލިޔެފައި އޮތީ ކީކޭތޯ ބަލައިލުމަށެވެ.
“އެމް ފޯ މާއިޝާ!”
މެސެޖް ކިޔާފައި މާއިޝާގެ ހިތުގައި ސުވާލު އުފެދުނެވެ. މި އުޅެނީ އަނެއްކާ ކާކު ބާވައެވެ؟ އެ މީހަކަށް އަހަރެންގެ ނަން ވެސް އެބަ އެނގެއެވެ. ޔަގީނެވެ. އެއީ ހަމަ ޝާހިރެވެ. އެކަކަމު ޝާހިރު ނަމަ، ނަން ފެށޭ އަކުރަކީ އެމް ކަމަކަށް ނުބުނާނެއެވެ.
“ތީ ކޮންމެ މީހަކަށް ވިޔަސް ހެޔޮ! މި ފޯނަށް މެސެޖް ނުކުރޭ!”
ފޯނު ބާއްވާފައި މާއިޝާ ތައްޔާރުވާން ފެށިއެވެ. އޭގެ ފަހުން އޭނާ ފޯނެއް ނުބަލައެވެ. ތައްޔާރުވެގެން ބައްޕައާ އެކު ދިޔައީ އިސްކޫލަށެވެ.
އިސްކޫލުން ނިމިގެން ގެއަށް އައިސް މާއިޝާ ފޯނު ނަގައި ބަލައިލިއެވެ. ފެނުނީ މެސެޖު ފައްޗެއް އައިސްފައި އޮތްތަނެވެ. އޭނާ ފަހަރަކު މެސެޖެއް ކިޔަމުން ގެންދިޔައެވެ. މެސެޖުތައް ކިޔަމުން ދިޔަ ވަރަކަށް ތުންފަތްމަތިން ފޫހިކަން ފިލަމުން، ހިނިތުންވުން ވެރިވަމުން ދިޔައެވެ. ވަދެވިފައި އިން ވަލުން ނިކުމެވި، މަންޒަރު ސާފުވަމުން އަންނާތީއެވެ. ބަރާބަރު ވިހި މެސެޖު އޮތް އިރު ވިހިވަނަ މިސެޖުގައި ލިޔެފައި އޮތީ މެސެޖް ކުރާ މީހާގެ ނަމެވެ.
“އެމް ފޯ މޫސާ ޝާހިރު!”
“ކިހާ ދެރަ ކަމެއް ޝާހިރު! ކޮންމެހެން ޖެހޭތަ އަހަރެން ތަޅުވަން!” މާއިޝާ ލިޔެލިއެވެ.
“މަޖާކޮށްލީ!” އިރުކޮލަކުން ޝާހިރުގެ މެސެޖެއް ލިބުނެވެ.
އެހައިތަނުން މާއިޝާއާއި ޝާހިރުގެ މެސެޖުގެ ސިލްސިލާ ފެށިއްޖެއެވެ. ފުރަތަމަ ދެކެވުނީ ވަރަށް އާދައިގެ ވާހަކަތަކެވެ. މަޖާ އެކިއެކި ވާހަކތަކާއި ކިޔެވުމާ ގުޅުން ހުރި ވާހަކަތަކެވެ. އަމިއްލަ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެހެންނަމަވެސް މެސެޖުގެ ސިލްސިލާއަށް ދުވަސްތައް ގުނެމުން ދިޔަވަރަކަށް ފޮނުވާ، ލިބޭ މެސެޖުތަކުގެ ރަހަ ބަދަލުވަމުން، ތަފާތުވަމުން ދިޔައެވެ. އެކަކުގެ ހިތުގައި އަނެކާއާ ދޭތެރޭ ޚާއްޞަ މަގާމެއް އުފެދެމުންދާކަން އިހުސާސް ކުރެވެމުން ދިޔައެވެ.
“ގުޅާލަންތަ؟” މެސެޖުން ދެ މީހުން ވާހަކަދައްކާތާ ހަފުތާއެއް ފަހުން އެއް ރެއަކު ޝާހިރު ލިޔެލިއެވެ.
“ކީއްކުރަން ގުޅަނީ! މެސެޖް ކުރީމަ މާ މަޖަލެއްނު!”
“ތީ ހީވާގޮތް! ގުޅީމަ އަދި މާ މަޖާވާނެ!” ޝާހިރު ހިނިގަނޑެއްޖަހާލައިފައި ސަމާސާ ގޮތަކަށް ބުނެލިއެވެ. “އެކަމަކު މާއި ނޫނެކޭ ބުނެފިއްޔަކާ ނުގުޅާނަން!”
“ދެން….. ނޫނެކޭ ބުނަން ކެރޭތަ؟”
“ނުކެރޭނެ؟”
“އާނ!”
“ކީއްވެ؟”
“ނޭނގެ!”
“އެހެންވިއްޔާ އާނއެކޭ ބުނޭ!”
“އާނ!” މާއިޝާ ހިނިގަނޑެއް ޖަހާލައިފައި އޮތެވެ.
“ކޮންކަމަކަށް އާނއެކޭ ތިބުނީ؟” ޝާހިރު ލިޔުނެވެ.
“މި ބުނީ އޯކޭއޭ ގުޅާލިޔަސް! އެކަމަކު ވަރަށް އަވަހަށް ބާއްވަންވާނެ ދޯ!”
“މާއި ބޭނުން ގޮތެއް!”
އިރުކޮޅަކުން ޝާހިރުގެ ކޯލެއް މާއިޝާއަށް އަތުވެއްޖެއެވެ. މާއިޝާ އޮތީ ނަގަން ނުކެރިފައި އޮންނަ ކަހަލަ ގޮތަކަށެވެ. އެހެން އޮއްވާ ފޯނު ކެނޑިއެއްޖެއެވެ. ދެން އައީ ޝާހިރުގެ މެސެޖެކެވެ.
“ކީއްވެ ނުނެގީ؟”
“އަލުން ގުޅާ!”
އަނެއްކާ ވެސް ޝާހިރު ގުޅައިފިއެވެ. ދެ ރިންގުވީތަނާ މާއިޝާ ފޯނުނެގިއެވެ. ހަމަ ވަރަށް ކުރުކޮށްލާފައި ބާއްވަން ނިޔަތްގަނެގެންނެވެ. އެހެންނަމަވެސް ކަން ވީ އެހެނެއް ނޫނެވެ. ޝާހިރުގެ އަޑު ޖެހުމުން ބާއްވާ ހިތެއް ނުވިއެވެ. ވާހަކައިން ވާހަކަ ފަޅަމުން، ކުރިލަމުން ގޮސް، ފޯނުކޯލު ވަރަށް ދިގުވެއްޖެއެވެ. އެހެންނަމަވެސް މި ކަމަކަށް އެ ދެ ކުދިންންގެ ސަމާލުކަމެއް ނެތެވެ. އެންމެ ފަހުން ފޯނު ކެނޑިއެއްޖެއެވެ. މާއިޝާ ބަލައިލި އިރު އެ ކޯލަށް އެއް ގަޑިއިރުވެއްޖެއެވެ. ފޯނު ކެނޑުނީ ގަޑިއެއްގެ އިރު ވުމުންނެވެ.
“ދެން ނުގުޅާތި! މިހާރު މާ ލަސްވެއްޖެ! ދެން މި ނިދަނީ.” މާއިޝާ ވަގުތުން ލިޔެލިއެވެ.
މާއިޝާގެ މެސެޖް އައީ ދެވަނަ ފަހަރަށް ޝާހިރު ގުޅަން އުޅެނިކޮށެވެ. މެސެޖު ކިޔާލައިފައި އޭނާ ވަގުތުން ގުޅުމުގެ ޚިޔާލު ދޫކޮށްލިއެވެ. “އޯކޭ” ލިޔެލައިފައި ފޯނު ބޭއްވީއެވެ. އޭރު އޭނާގެ ހިތް ވަނީ އުފަލުން ފުރިފައެވެ. މި ގޮތަށް މާއިޝާއާ ވާހަކަ ދައްކައިލާ ހިތުން އޭނާ އުޅޭތާ މިހާރު އެތައް ދުވަހެކެވެ. މި ރޭ މިއީ އެ ނަސީބު އޭނާއަށް ލިބުނު ފުރަތަމަ ރެއެވެ. އޭނާގެ ހިތް ބުނަނީ އޭނާއެކޭ އެއްފަދައިން މިހާރު މާއިޝާ ވެސް އޭނާ ދެކެ ލޯބިވާ ކަމަށެވެ.
އެ ރެއަށްފަހު ދޭތެރެއަކުން މާއިޝާއަށް ޝާހިރު ގުޅާލައެވެ. ވާހަކަ ދައްކާލައެވެ. މާއިޝާ ވެސް ވާހަކަ ދައްކަނީ ވަރަށް ގަޔާވެގެންނެވެ. ދައްކާ ހިތުންނެވެ. ޝާހިރުގެ ސަމާސާ ވާހަކަތަކުގައި އޭނާ ހީނހީނފައި ބައިވެރިއެވެ. އެހެންކަމުން ޝާހިރު މިހާރު ބޭނުންވަނީ މާއިޝާ ގޮވައިގެން ލޯބީގެ ފޮނި ފިނި ބަގީޗާއަށް ވަންނާށެވެ. އެ ބަގީޗާގެ ވަސްމީރު މާމެލީގެ ތެރޭގައި ވަގުތުތައް ހޭދަކޮށްލާށެވެ. އެ މާތަކުގެ މީރުވަހުން ހިތް ފުރައިލާށެވެ. އޭނާއަށް މިހާރު ކަށަވަރުވާ ކަމަކީ، އެ ބަގީޗާއަށް އޭނާއާ އެކު މާއިޝާ ވެސް ވަންނާނެކަމެވެ.
“މާއި ގާތު ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އެބަ އޮތް!” ފޯނުން ދެއްކި ވާހަކަތަކުގެ ތެރޭގައި ޝާހިރު ބުންޏެވެ.
“ކޮން ވާހަކައެއް؟”
“ފޯނަކުން ނޫން!”
“ދެން…؟”
“ކުރިމަތީގައި ބަހައްޓައިގެން.”
“ކިހިނެއް؟”
“އަހަރެން ހިނގައިދާނަން ތި ގޭ ދޮށަށް. މާއި ދޮރާށި ދޮށަށް ނިކުމެލާނީ.”
“މީހަކަށް ފެނިއްޖެއްޔާ…؟”
“މާ ދިގު ވާހަކައެއް ނޫނޭ!”
“މާދަމާ އިރު އޮއްސޭ ގަޑީގައި އަންނަންވީނު.” އިރުކޮޅަކު ވިސްނާލައިފައި މާއިޝާ ބުންޏެވެ. އެ ގަޑީގައި ބައްޕަ ގޭގައި ނޫޅޭނެއެވެ. އެއާޕޯޓަށް ދާންޖެހޭ ވާހަކަ އޮތީ ބުނެފައެވެ. “ހައެއް ޖަހާއިރު އާދޭ!”
“އޯކޭ!”
މިއަދުގެ އިރުއޮއްސި ހައެއްޖަހާ ވަގުތަކީ މާއިޝާއަށް ވަރަށް ޚާއްޞަ ވަގުތަކަށް ވެއްޖެއެވެ. އޭނާ ހުރީ ކޮޓަރީގައެވެ. ފެންވަރައިގެން ރީތިވާށެވެ. ގަޑިއަށް ބަލަމުން އޭނާ ރީތިވަމުން ގެންދިޔައެވެ. ހައެއް ޖަހާއިރަށް ނިކުންނާން ޖެހެއެވެ. މިހާރު ފަސްގަޑި ފަންސާސް ވެއްޖެއެވެ. ވަގުތު ކުޑަވަމުން ދިޔަ ވަރަކަށް އޭނާގެ މޭގެ ތެޅުން ހަލުއިވަމުން ދެއެވެ. ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވަމުން ދެއެވެ. ބައްޕަ އެއާޕޯޓަށް ދިޔަސް، ދޮން މަންމަ ފަހަރެއްގައި ގެއަށް އަތުވެދާނެއެވެ. އޭނާ މިހާރު ވީ ބޭރަށް ގޮހެވެ.
ވަރަށް އަތްމަތި އަވަސްކޮށް ރީތިވެލައިގެން ކޮޓަރިން ނިކުތުމަށް ޓަކައި މާއިޝާ ހިނގައިގެންފިއެވެ. އޭރު ހައެއް ޖަހަން ހުރީ ފަސްވަރަކަށް މިނެޓެވެ. އޭނާ އެންމެ ފަހު ފަހަރަށް ލޯގަނޑުން މޫނަށް ބައިލުމަށްފަހު، ގޮސް ކޮޓަރީ ދޮރު ހުޅުވާލިއެވެ. ނުކުމެވުނީ ޖަމީލާގެ ކުރިމައްޗަށެވެ. އެ ވަގުތު މާއިޝާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ.
“ކޮންތާކަށް ތި ނައްޓާލަނީ؟” މާއިޝާ ފެނުމާ އެކު، ހަސަދަވެރި ލޮލަކުން، މާއިޝާގެ ފައިން ފެށިގެން ބޮލާ ހަމައަށް ޖަމީލާ ބަލައިލިއެވެ. މާއިޝާގެ ރީތިކަމަށް ޓަކައި، އޭނާއަށް ހިތާހިތުން ތައުރީފުކުރެވުނެވެ. އެހެންނަމަވެސް ބޭރުފުށުން އެކަން ދައްކާކަށް ބޭނުމެއް ނުވިއެވެ.
ޖަމީލާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނެތުމުން މާއިޝާ އުޅުނީ އަވަސް އަވަހަށް ހިނގައިގަންނާށެވެ. އަތުގައި އޮތް ފޯނުން ގަޑިއަށް ބަލައިލުމަށްފަހު، އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
“ދީބަލަ ތި ފޯނު!” މާއިޝާގެ އަތުގައި އޮތް ފޯނު ޖަމީލާ ޖަހައިގަތެވެ. “މި އުޅެނީ މަގޭ ފޯނުގައި ލާރި ނެތިގެންނޭ. މިއިން ގުޅޭ ގޮތް ހަދައިދީބަލަ!”
މާއިޝާއަށް ގޮތް ހުސްވިއެވެ. އޭނާއަށް ޖެހުނީ ފޯނު ހުޅުވައިދޭށެވެ. ޖަމީލާ ވަގުތުން ނަންބަރަކަށް ގުޅައިލިއެވެ. އިރުކޮޅެއް ވާނެއޭ ބުނަމުންނެވެ. ހިތް އަވަސްވެފައި ހުރި މާއިޝާއަށް، ފާރުގައި ހުރި ގަޑިއަށް ބަލައިލެވުނެވެ. އޭރު އިރު އޮއްސި ބަންގި ފަށައިފިއެވެ. ހައެއް ވެސް ޖަހައިފިއެވެ. ގަޑި ޖެހުނީއެވެ. އެހެންނަމަވެސް ޖަމީލާގެ އަތަށް ފޯނު ދޫކޮށްލާފައި ދާނީ ވެސް ކިހިނެއް ހެއްޔެވެ. ކޮންމެ ފަދަ ކަމެއް ވެސް އޭނާ ކޮށްފާނެއެވެ.
އިރު އޮއްސުމުގެ ވަގުތު ކުޑަތަންވަނީއެވެ. ދުވާލުގެ އަލިކަމުގެ ތެރެއަށް ރޭގަނޑުގެ ކަޅު ފަރުދާ ފަތުރާލުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އެހެންނަމަވެސް މާލެއަކީ ރެއާއި ދުވާލު، އަލި ތަންމަތީގައި ހޭދަކުރާ ރަށެއްކަމުން، މާލެއަކަށް މާ ބޮޑު އެނގުމެއް ނުވެއެވެ.
މާއިޝާމެންގެއާ ތަންކޮޅެއް ދުރުގައި ސައިކަލް ޕާކުކޮށްފައި ޝާހިރު ސައިކަލުން ފޭބިއެވެ. މާއިޝާމެންގޭ ދޮރާށި އޭނާއަށް ދުރުން ފެނެއެވެ. އެއީ އޭނާ އެންމެ ދާ ހިތްވާ ދިމާއެވެ. އެންމެ މަޑުކޮށްލައިހިތްވާ ތަނެވެ. އެހެންކަމުން ގަޑިއަށް ބަލައިލަމުން، ލަސްނުކޮށް އެ ދިމާއަށް އޭނާ ހިނގައިގަތެވެ.
އެ ދޮރާށިދޮށް ފެންނަނީ ތަންކޮޅެއް އަނދިރިކޮށެވެ. އެ ހިސާބުގައި މަގު ބައްތިއެއް ނެތީމާ ވެސް ތޯއްޗެކެވެ. އެހެންނަމަވެސް ތަންކޮޅަކަށް ދިޔަތަނާ ދޮރާށި ތެރެއިން އޭނާއަށް މާއިޝާގެ ހެދުމުން ތަންކޮޅެއް ފެނިއްޖެއެވެ. އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާގެ އިންތިޒާރުގައި މާއިޝާ ހުރިކަން ކަށަވަރުވުމުންނެވެ. އެ ވަގުތު އޭނާގެ ފިޔަވަޅަށް ހަލުއިކަމެއް ވެސް ވެރިވިއެވެ.
ޝާހިރަށް މިހާރު މާއިޝާ އެބަ ފެނެއެވެ. އެހެންނަމަވެސް ފެންނަނީ ފުރަގަހެވެ. އަނެއް ފަރާތަށް އެނބުރި ހުރީމައެވެ. ޝާހިރު އަންނާނީ މަގުގެ އެ ކޮޅުން ކަމަށް އޭނާއަށް ހީވީ ކަންނޭނގެއެވެ.
ލުއި ފިޔަވަޅުތަކެއްގައި ގޮސް މާއިޝާގެ ފުރަގަހުން އޭނާއާ ވަރަށް ގާތުގައި ޝާހިރު މަޑުކޮށްލައިފިއެވެ. މާއިޝާ ލައިގެން ހުރީ އެހެންޏާ ނުލާ ކަހަލަ މުޅިން ތަފާތު ހެދުމެކެވެ. ގޭގައި އުޅޭ އިރު، ބޭރަށް ދާ ކަހަލަ ހެދުމެއް ނުލާނެތާއެވެ. އަމިއްލަ ސިކުނޑިން ޝާހިރު އެކަން ދެނެގަތެވެ.
ޝާހިރު ގޮސް ފުރަގަހުން ހުއްޓުނު އިރު، މާއިޝާ އުޅެނީ އޭނާ ލައިގެން ހުރި ކްރީމް ކުލައިގެ ހެދުން ދޮރޯށީގައި ހުރި މޮހޮރެއްގައި އަޅައިގަނެގެން، އެތަނުން އެ ހެދުން ނުނެއްޓިގެންނެވެ. އެހެންކަމުން ފަހަތުގައި މީހަކު ހުރިކަމުގެ ކުޑަ ވެސް ލިޝާނެއް އޭނާއަކަށް ނުވެއެވެ. އެ ކަމުގައި މާއިޝާއަށް އެހީތެރިވެދޭން ވެސް ޝާހިރުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭރުން އޭނާއަށް ދޭން ބޭނުންވި ސަޕްރައިޒް އެންމެ ފުރިހަމައަކަށް ނުދެވޭނެއެވެ.
އަތުގައި އޮތް ފިނިފެންމާ އަތަށް ހެޔޮކޮށްލައިގެން ޝާހިރު ހުއްޓެވެ. މާއިޝާ އޭނާއާ ދިމާއަށް އެނބުރެލާނެ ވަގުތަކަށެވެ. އެ ކަމަކަށް މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. މޮހޮރުގެ ވަކިތަކުން ހެދުން ސަލާމަތް ކުރުމަށްފަހު، މަގުގެ އަނެއްކޮޅަށް ބަލައިލުމަށް ޓަކައި މާއިޝާ އެނބުރިއްޖެއެވެ. ޖެހޭހައި ކައިރީގައި މީހަކު ހުރިތަން ފެނިފައި އޭނާ ސިހުނެވެ.
“އައި ލަވް ޔޫ! ވަރަށް ލޯބިވޭ!” މާއިޝާއާ ދިމާއަށް އަތުގައި އޮތް މާ ދިއްކޮށްލަމުން ޝާހިރު ދެ ލޯ މަރައިލިއެވެ.
މަލުގައި މާއިޝާ ހިފައިފިކަން ޝާހިރަށް ޔަގީންވުމުން މަލުން ދޫކޮށްލިއެވެ. އެއަށްފަހު އޭނާ އިންތުޒާރުކުރަމުން ގެންދިޔައީ މާއިޝާގެ ފަރާތުން އިވޭނެ އުފާވެރި ޖުމުލައަކަށެވެ. އަހަރެން ވެސް ވަރަށް ލޯބިވެއޭ ބުނެލާނެ އިރަކަށެވެ. ސިކުންތުތައް ގުނެމުން ގޮސް މިނެޓެއްހައި އިރު ވެއްޖެއެވެ. ޝާހިރުގެ ކަންފަތް ކުރަމުން ދިޔަ އިންތިޒާރަކަށް ނިމުމެއް ނައެވެ. އެހައިހިސާބުން އޭނާގެ ދެ ލޮލަށް މަޖުބޫރުވީ އެސްފިޔަތައް ހުޅުވައިލާށެވެ.
“ތެންކްސް!” ލޯ ހުޅުވާލަން އުޅެނިކޮށް، ޝާހިރުގެ ކަންފަތުގައި ޖެހުނެވެ.
ލޯ ހުޅުވާލުމާ އެކު ފެނުނު މަންޒަރުން ޝާހިރުގެ ދެ ލޯ ބޮޑުވިއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އަމިއްލަ ދެ ލޮލަށް އިތުބާރެއް ނުކުރެވުނެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލެވުނެވެ. މަންޒަރު ބަދަލެއް ނުވިއެވެ. ހާސްވެ ކަންބޮޑުވިލެއް ބޮޑުކަމުން ވަގުތުން ދާހިއްލާން ފަށައިފިއެވެ. ލަދުވެތިކަމުގެ ރަތް ކުލައިން މޫނުމަތި ފެވިއްޖެއެވެ. އޭނާއަށް ފެނުނީ އޭނާ ދެކެން ބޭނުންވި ތުނިތުނި މޫނެއް ނޫނެވެ. މުޅިން ތަފާތު ސިފައަކަށް ހުރި މޫނެކެވެ. އޭނާ ދިން ފިނިފެންމާ ހިފައިގެން، އޭނާގެ ކުރިމަތީގައި ހިނިއައިސްފައި އެ ހުރީ އެހެން ކުއްޖެކެވެ.
“މަށަށް ކިޔަނީ ސަލީމާ!” ސަލީމާ ވާހަކަ ދައްކަންފެށިއެވެ. “ތީ ވަރަށް ރީތި މީހެއް!” ސަލީމާއަށް ކަޅިޖަހައި ނުލައި ޝާހިރުގެ މޫނަށް ބަލާން ހުރެވުނެވެ. ހީވަނީ އަލަށް ފިރިހެނަކު ފެނިގެން އުޅޭހެންނެވެ.
ޝާހިރު ބޭނުންވީ އަވަހަށް އެ ތަނުން ދާށެވެ. މި ދިމާވި ގޮތުން އެ ތަނުގައި އެންމެ މިނެޓަކު ކީއްކުރަން ހެއްޔެވެ؟ ފަޅި ސިކުންތަކު ވެސް މަޑުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ އަވަސްއަވަހަށް ކުރިއަށް ފިޔަވަޅެއް އެޅޭތޯ މަސައްކަތްފެށިއެވެ.
“އިހަށް މަޑުކޮށްބަލަ!” ސަލީމާ ވަގުތުން ޝާހިރުގެ އަތުގައި ހިފެހެއްޓިއެވެ.
ޝާހިރު ބޭނުންވީ އަތް ދަމައިގަންނާށެވެ. އެހެންނަމަވެސް އެ ފަދަ ހިތްވަރެއް އެ ވަގުތު އޭނާއަކަށް ނުލިބުނެވެ. ބިން ފަޅައި ހުރި ތަނަށް އަޑިއަށް ދެވޭނެ ނަމައޭ ހީވެފައި ހުއްޓާ، އޭނާއަށް ކުއްލި ސިހުމެއް ލިބުނީ ދޮރޯށި ހުޅުވުނު އަޑަށެވެ. އޭނާއަށް އަވަސް އަވަހަށް އެ ދިމާއަށް ބަލައިލެވުނެވެ. ފެނުނީ މާއިޝާއެވެ. އޭނާގެ މޫނުން ތަންކޮޅެކެވެ. މާއިޝާއަށް ވެސް އެ ދެ މީހުން ފެންނާނޭކަން ޔަގީނެވެ.
އެ ފަދަ ދަނޑިވަޅަކަށް ސަލީމާ ހުޝިޔާރުވެ ހުރީ ވެސް ކަންނޭނގެއެވެ. ވަގުތުން ދޮރާށި ލައްޕައިފިއެވެ. މި މުހިންމު ވަގުތުކޮޅަކަށް މާއިޝާގެ ސަބަބުން ހުރަސްއެޅިގެން ނުވާނެއެވެ. މިއީ ވަދެއް، ނަނެއް ދޫނުކޮށް ހުއްޓާ އައިސް ޖެހުނު ރަންގަނޑެއް ފަދަ މަހެކެވެ.
މާއިޝާގެ މޫނު ފެނުމުން ޝާހިރަށް ބަދަލުތަކެއް އައިކަން ސަލީމާއަށް ފާހަގަ ކުރެވުނެވެ. އެ ވަގުތު އޭނާގެ ހިތް އޭނާ ގާތުގައި ވާހަކައެއް ބުނެފިއެވެ. އެހެންނަމަވެސް އެ ވާހަކަ އަޑުއަހާކަށް އޭނާ ބޭނުމެއް ނުވިއެވެ. ބޭކާރު ވާހަކަތަކަށް ފުރުސަތެއް ނެތެވެ.
“ދޫކޮށްލާ! މީހަކަށް ފެނިދާނެ!”
ސަލީމާގެ އަތުގެ ތެރެއިން އަތް ދަމައިގަތް އިރު، ޝާހިރުގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ. އެހެންނަމަވެސް އޭނާ އެކަން ދައްކާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ މަސްލަހަތު ނުގެއްލި މި ކަމުން ސަލާމަތްވާށެވެ.
“މީ ދެން ކޮން މަލެއް؟ ކީއްކުރަން މަށަށް ދިން އެއްޗެއް؟” ޝާހިރު ހިނގައިގަތުމުން ސަލީމާއަށް އަހައިލެވުނެވެ.
“ސޮރީ! އޮޅުމަކުން ވީ ކަމެއް!” ޝާހިރު އެ ދިޔަ ގޮތަށް ގޮސް ސައިކަލަށް އަރައި ކުރިއަށް ދުއްވާލިއެވެ. ސަލީމާއަށް ހުރެވުނީ ކަޅިޖަހާނުލައި ބަލާށެވެ. އެއީ ކޮން ނަމެއް ކިޔާ ކާކުކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. އެއީ ރީތި ޒުވާނެކެވެ. ހިތްކިޔާ ކަހަލަ އެތައް ސިފަތަކެއް ލިބި ހުރި ޒުވާނެކެވެ. އޭނާ ކިތަންމެ ނުރުހިފައި ދިޔަ ނަމަވެސް އޭނާ އެ ދިޔައީ ސަލީމާގެ ހިތް ހިފައިގެންނެވެ.
މާއިޝާ އޮތީ ކޮޓަރީގައެވެ. ވާނުވާ ނޭނގި ފިކުރު ބޮޑުވެފައެވެ. ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ޝާހިރާއި ސަލީމާއާ ދެމެދު، ގުޅުމެއް އޮތްކަން އޭނާއަށް ވަނީ ކަށަވަރުވެފައެވެ. އެހެންނޫން ނަމަ ސަލީމާ އަތުގައި އެ އޮތީ ކޮން ފިނިފެންމަލެއް ހެއްޔެވެ. ޝާހިރުގެ އަތުގައި ސަލީމާ ހިފަހައްޓައިގެން ހުންނާންވީ ކީއްވެގެން ހެއްޔެވެ.
އަނެއްކާ މި ފެނުނީ ހުވަފެނެއް ބާވައެވެ؟ މިހައި ދުވަހު ޝާހިރު ވާހަކަ ދެއްކީ ހާދަ ރީތިކޮށެވެ. ހާދަ ލޯބިންނެވެ. އޭނާގެ ވާހަކަތަކުގެ ފޮނިކަމާއި މީރުކަމުގެ ސަބަބުން، މާއިޝާގެ ޅަ ހިތް ވަނީ، ޝާހިރުގެ ހިތާދިމާއަށް ލެނބިފައެވެ. އެ ހިތުގައި ހުރިއްޔާ ހުރި އެއްޗެއް ޝާހިރުގެ ހިތަށް ވަނީ ހަދިޔާކުރެވިފައެވެ. މާއިޝާގެ އިޚުތިޔާރެއް ނެތިއެވެ. މިއަދު އެ ހިތް ހަނާއަޅަމުން ދަނީ ޝާހިރަށެވެ. އެ ހިތުގެ ހުރިހައި ޖާގައެއް ވަނީ ޝާހިރަށް ޓަކައި ހުސްކޮށްފައެވެ.
މިއަދުގެ މި ވަގުތަށް ޓަކައި މާއިޝާ ކުރަމުން ގެންދިޔައީ ވަރަށް ފޮނި އިންތިޒާރެކެވެ. އޭނާ އުއްމީދުކުރީ އެ އިންތިޒާރު ނިމޭނީ އޭނާ އުފަލުން ހެއްވާލާފައި ކަމަށެވެ. އެހެންނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. އެ އިންތިޒާރު ނިމުނު އިރު އޭނާއަށް ޖެހުނީ ދެ ލޮލުން ކަރުނަ ފޮހޭށެވެ. ހިތި ކޯވަރުތަކެއް ދިރުވާށެވެ. ޝާހިރަކީ ކޮން ފާޑެއްގެ މީހެއް ހެއްޔެވެ؟ އެއީ ބޮޑު މަކަރުވެރިއެއް ބާވައެވެ؟ ނުލަފާ މީހަކީ ބާވައެވެ؟ ނޫނީ ސަލީމާއާއި ޖަމީލާގެ މޮޅު ރޭވުމަކުން ޝާހިރު ލައްވާ ޑްރާމާއެއް ކުޅުވީ ބާވައެވެ؟
މި ކަހަލަ ފިކުރުތަކެއްގެ ސަބަބުން ސިކުނޑި ހަންދަރަކަށް ވެފައި މާއިޝާ އޮތް އިރު، ސަލީމާ އިނީ ސިޓީންރޫމުގެ ސޯފާއަށް ޖެހިފައެވެ. ޝާހިރު ދިން ރަތް ފިނިފެންމާ ކަނާތުގައި އޮތެވެ. ބޮޑުވައިއިނގިއްޔާއި ޝަހާދަތްއިނގިލީގެ ދެމެދުގައި، ކަންނެތް ގޮތަކަށް ދެ އަތަށް އެނބުރިއެނބުރިއެވެ. އޭރު އޭނާގެ ސިކުނޑިއާއި ހިތް ހިސޯރުކޮށްފައި ވަނީ، ޝާހިރުގެ ޒުވާން ސޫރައެވެ. ތަންކޮޅެއް ދުރުގައި ހުރެ ޖަމީލާ ކޮންމެވެސް މީހަކާ ވަރަށް އޮލަކޮށް ފޯނުން ވާހަކަދައްކަމުން ގެންދާތަން ފެނެއެވެ. ސަލީމާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.
“ތީ ކޮން މަލެއް؟” ފޯނު ނިންމާލައިފައި ޖަމީލާ އައިސް ސަލީމާ ގާތަށް ހުއްޓެމުން، ސަލީމާގެ އަތުގައި އޮތް މަލަށް ބަލައިލިއެވެ.
ޖަމީލާގެ އެ ސުވާލު ސަލީމާގެ ކަންފަތާ ހަމައަށް ދަތުރުކުރި ނަމަވެސް، ސިކުނޑިއާ ހަމައަށް ފޯރިކަމަކަށް ނުވެއެވެ. އޭނާ އެ އިން ގޮތަށް ދުރަށް ބަލަހައްޓައިގެން އިނެވެ. ހުއްޓުން އަރާފައެވެ.
“ސަލީމާ!” ޖަމީލާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
އެ އަޑަށް ސިހިފައި ޖަމީލާއާ ދިމާއަށް ސަލީމާ ބަލައިލިއެވެ.
“ބޮނޑެއް ކައިގެން ކޮޅަށް ޖެހިފައި އޮތް ނަންގުނައްޗެއްހެން ތި އިނީޔޯ؟”
“މަންމައަށް ކޮންކަމެއްތަ؟” ސަލީމާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. “މަށާ ދިމާނުކޮށް މަންމަ ގޮސްބަލަ މޫސަބެއަށް ފޯނުކުރަން! އެއީ ނު މަންމަގެ މީހަކީ.”
“ސާބަހޭ! ކަލެއަށް ހަމަ ސާބަސް! ބަލަ މަ މި އުޅެނީ މޫސަބެއަށް ގުޅައިގެނެއް ނޫނޭ! ވަރެއްވެފައި ދޯ ތި އިނީ.”
“ތީ ހުސް ދޮގު! ހަމަ މޫސަބެއަށް ގުޅައިގެން ތި އުޅުނީ.”
“އަމުދަކުން މަ ގުޅައިގެން މި އުޅުނީ ސިއްތި ބޮޑުދައިތައަށް.” އެ ބުނާ ސިއްތި ބޮޑުދައިތައަކީ ޖަމީލާމެން ރަށު މީހެކެވެ. ދުރުތާ ތިމާގެ މީހެކެވެ. ފަންޑިތަ ސިހުރުގެ ދަޅަ ދައްކައިގެން މީހުންގެ ޖީބު ހުސްކުރާ މީހެކެވެ. ހައްގު ނޫން ފައިސާގެ އެހީގައި ފޯރާ ދިރިއުޅުމެއް އުޅޭ މީހެކެވެ.
“ކީއްކުރަން މި ގަޑީގައި އޭނާއަށް ގުޅަންވީ؟”
“މި އައީ އެ ވާހަކަ ދައްކަންކަމަށް. އެ ކަމަކު މިހާރު ނެތް އެ ވާހަކަ ދައްކާ ހިތެއް!” ޖަމީލާ ފާޑަކަށް ތުންދަމާލިއެވެ.
“މަންމައަކަށް ނުހުރެވޭނެ ނުދައްކައެއް!” ޔަޤީންކަމާ އެކު ސަލީމާ ބުންޏެވެ.
“ތީ ކާކު ދިން މަލެއްތަ؟”
“ރައްޓެއްސެއް.”
“ފާޑުފާޑުގެ ރައްޓެހިން ނުހޯދައްޗޭ! ތި އިނީ މީހަކަށް ވައުދެއްވެފައިކަން ހަނދާން ނައްތާނުލާތި!” މޫސަބޭގެ ކައިވެނީގެ މަތިން ޖަމީލާ ހަނދާންކޮށްދިނެވެ. “މަންމައަށް ދީ ތި މާ؟”
“ނުލިބޭނެ!” ސަލީމާ ވަގުތުން އިންކާރުކުރިއެވެ.
“ހާދަ ދަހި ވެސް އަންހެނެކޭ!” ޖަމީލާ ތުން ދަމާލައިފައި ކުރިއަށް ހިނގައިގަތް ވަގުތު، އޭނާގެ އަތުގައި އޮތް މާއިޝާގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ.
“ތީ ކޮން ފޯނެއް؟” ޖަމީލާގެ އަތުގައި އޮތް ފޯނު ތަފާތުވުމުން، ސަލީމާއަށް އަވަސް އަވަހަށް އަހައިލެވުނެވެ.
“މީ އެ އުޅޭ މާއިޝާގެ ފޯނު. މަންމަގެ ފޯނުގައި ލާރި ހުސްވެފައޭ ކިޔާފައި އަތުލައިގެން މި އުޅެނީ.”
“ތި ފޯނަށް ކޮންމެސް މީހަކު އެބަ ގުޅައެއްނު!”
“އާނ! ކޮންމެސް މީހަކު އެބަ ގުޅާ.” ޖަމީލާ ފޯނަށް ބަލައިލިއެވެ.
“ގެނޭ މަގޭ އަތަށް!” ސަލީމާ ފުންމައިގެން ތެދުވެ، ޖަމީލާގެ އަތުގައި އޮތް ފޯނު އަތުލައި، ނެގުމަށްފަހު ވަގުތުން ކަންފަތުގައި ޖެއްސިއެވެ.
“ހަލޯ!” ފޯނު ނެގުމާ އެކު ސަލީމާގެ ކަންފަތުގައި ޖެހުނީ ފިރިހެން އަޑެކެވެ. “ކިހިނެއް ތި ހެދީ؟”
އިވުނު އަޑާއި ކުރި ސުވާލުގެ ސަބަބުން، އެއީ ކާކުކަން އެނގޭކަށް މާ ގިނަ ވަގުތެއް ސަލީމާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ސަލީމާއަށް ހުރެވުނީ އަނގައިން ބުނާން ނުކެރިފައެވެ.
ލިބުނު ފުރުސަތުގެ ބޭނުން ޖަމީލާ ވެސް ހިފިއެވެ. ސަލީމާ ފޯނުގައި ހުއްޓުން އަރާފައި ހުއްޓާ، އޭނާގެ އަތުގައި އޮތް ފިނިފެންމާ ޖަހައިގަނެގެން އަވަސްއަވަހަށް ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.
“މާއި!” ޚަބަރެއް ނުވުމުން ޝާހިރު ގޮވައިލިއެވެ. “ކީއްވެ އަނގައިން ނުބުނީ؟”
ޝާހިރުގެ ސުވާލާ އެކު ސަލީމާގެ ނޭވާ އަވަސްވަމުން ދިޔައެވެ. ބުޅާ ގޯނިން ބޭރުވެދާނެތީ އޭނާ ކަންބޮޑުވަނީ ކަންނޭނގެއެވެ.
“މާއި! މީ ޝާހިރޭ! ވާހަކަ ދައްކަބަލަ!”
“ޝާހިރު…” ސަލީމާގެ ހިތުގެ ފުނުން އަޑު ނިކުތެވެ. ފޯނާ ހަމައަށް އެ އަޑު ނަޔަސް މުޅި އެތެރެހަށީގައި އެ ނަން ގުގުމަންފެށިއެވެ. ނަން ވެސް އެނގުނީއެވެ.
“މާއި! ވާހަކަ ދައްކަބަލަ! ރުޅިއައީތަ؟” ޝާހިރުގެ އަޑާއި ރާގުގައި ކަންބޮޑުވުމުގެ އަސަރު އެކުލެވުނެވެ. “އެނގޭތަ މިއަދު ވީ ގޮތް؟ މަށަށް ވަރަށް ބޮޑު ލަނޑެކޭ ލިބުނީ. މަ ހީކުރީ ދޮރޯށިދޮށުގައި ހުރީ މާއިކަމަށް. އެހެން ހީކޮށް މާއިއަށް ދޭން ގެނައި މާ، އޮޅިގެން އޭނާއަށް ދެވުނީ. ހާދަ ލަދެއްގަތޭ! އެއީ ކާކުތަ؟” ވީ ގޮތް ޝާހިރު އޮޅުންފިލުވައިދިނެވެ. މާއިޝާ ނުރުހިފައި އިންހެން ހީވާތީ ފިނިކުރުމަށް ޓަކައެވެ.
ހުރިހައި ކަމެއް ސަލީމާއަށް އެނގުނީއެވެ. ކަށަވަރެވެ. އެއީ މާއިޝާގެ ލޯބިވެރިޔާއެވެ. އެކަމަކު ހަމަ ހިލާ އެކަން ވިޔަކަ ނުދޭނަމެވެ. މާއިޝާގެ މީހަކަށް ޝާހިރު ވިޔަކަ ނުދޭނަމެވެ. ޝާހިރު ދެކެ މަށަށް ވެސް ލޯބިވެވިއްޖެއެވެ. ޝާހިރު ލިބެންވާނީ މަށަށެވެ. ހުރިހައި ކަމަކުން އޭނާއަށް ކުޅިފަސް ލިބޭކަށް ނުޖެހޭނެއެވެ.
“މާއި! ޕްލީޒް! ދެން ވާހަކަ ދައްކަބަލަ!”
“އެއީ އަހަރެން ހަދަން ބޭނުންވި ގޮތް! ދެން މަށަށް ނުގުޅާތި!” އަޑަށް ބަދަލެއް ގެންނަމުން ހަރުކަށި ގޮތަކަށް މިހެން ބުނެފައި ސަލީމާ ވަގުތުން ފޯނު ކަނޑައިލިއެވެ.
ސަލީމާ އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރާފައި ހުއްޓެވެ. އޭރު އޭނާގެ ސިކުނޑީގައި މާއިޝާއާ މެދު އުފެދިފައި އޮތް ނަފުރަތުގެ އަލިފާންގަނޑު ވަނީ ހުޅުފަޅައިގެން ގޮސްފައެވެ. ހުރިހައި ކަމަކުން ކާމިޔާބުވާންވީ އޭނާ ހެއްޔެވެ؟ ކިޔެވުމުގައި ވެސް އޭނާއަށެވެ. ތަނަވަސްކަމުގައި ވެސް އޭނާއެވެ. ރީތިކަމުގައި ވެސް އޭނާއެވެ. ލޯބީގައި ވެސް މި ގޮތް ހެއްޔެވެ؟ ނުވެވޭނެއެވެ. މި ފަހަރަކު އެހެނެއް ނުވެވޭނެއެވެ. ޝާހިރަކީ މަގޭ މީހެކެވެ. މާއިޝާ މަރާލާފައި ވެސް އަހަރެން އެކަން ކުރާނަމެވެ.
މާއިޝާގެ ފުށުން ލިބުނު ރުންކުރު ޖަވާބު އިވިފައި ޝާހިރަށް ހުރެވުނީ ހައިރާންވެ ބަސް ހުއްޓިފައެވެ. މާއިޝާ ފޯނު ކަނޑައިލުމުން ތިންހަތަރު ފަހަރު އޭނާ ގުޅައިފިއެވެ. ނުގުޅުނެވެ. ފޯނު އޮތީ ނިވާ ވެސް ލައިފައެވެ. މިވީ ކީއް ބާވައެވެ؟ އެ މަންޒަރު ފެނުމުން ރުޅިއައީ ބާވައެވެ؟ ނޫނީ ހަމަ އެއީ އޭނާ ބޭނުންވި ގޮތް ބާވައެވެ؟
ސަލީމާ ފޯނު ގެނެސް ކޮޓަރީގައި ބޭއްވުމުން ފޯނު ނަގަން މާއިޝާ އުޅުނެވެ. އެހެންނަމަވެސް ތެދުވާހިތެއް ނުވިއެވެ. ފޯނުގައި އަތްލާ ހިތެއް ވެސް ނުވިއެވެ. ޝާހިރަށް ގުޅަން ވަރަށް ބޭނުމެވެ. ވާހަކަ ދައްކާލަން އެއަށްވުރެ މާ ބޭނުމެވެ. އެހެންނަމަވެސް ދޮރޯށިދޮށުން ފެނުނު މަންޒަރު އެ އެދުމަށް ހުރަސްއެޅިއެވެ. ސަލީމާއާ ގުޅުން އޮންނަ މީހަކާ ވާހަކަ ދެއްކުމުން މަސްލަހަތު ގެއްލުން ނޫން ކަމެއް ނުވާނެއެވެ.
މާއިޝާގެ ހިތަށް އަރަމުން ދިޔައެވެ. ޝާހިރު ގުޅައިލާނޭ ނަމައެވެ. އޭނާއަށް އެބަ އިންތިޒާރު ކުރެވެއެވެ. ޝާހިރުގެ ކޯލަކަށް އެބަ އެދެވެއެވެ. ވަގުތުތައް ހޭދަވަމުން ދިޔައީ އެ އިންތިޒާރުގައި އޭނާ ބާއްވައިގެންނެވެ.
ސަލީމާ އޮތީ ކޮޓަރީގައެވެ. އޭނާ ވިސްނަމުން ދިޔައީ ޝާހިރާ ދޭތެރޭގައެވެ. ޝާހިރު ފެނުމުން އޭނާގެ ހިތުގައި ޝާހިރުގެ ސޫރަ މާ ބޮޑަށް ބިންވަޅު ނެގިއްޖެއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެސް އުފެދިފައެވެ. މި ކަމަށް މަންމަގެ ރުހުން ނުލިބޭނެކަން އެނގޭތީއެވެ. އެހެންކަމުން އޭނާ ބޭނުންވީ މަންމައަށް ވެސް ސިއްރުން މި ކަންތައް ހިންގައިލާށެވެ.
މި ކަހަލަ ފޮނި ޚިޔާލެއްގައި ފޮލާ ކައްކަން އިންދާ އޭނާގެ ކުރިމަތީން ހަގީގަތް ފެންނާން ފަށައިފިއެވެ. ޝާހިރަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫންކަމުގެ ހިތި އިހުސާސްކުރެވޭން ފަށައިފިއެވެ. އެއީ މާއިޝާގެ މީހެއްކަމުގައި އޭނާގެ ހިތް ބުނެދޭން ފަށައިފިއެވެ. މި ކަން ސިކުނޑީގައި އެނބުރިގަތުމާ އެކު ސަލީމާ ފުންމައިގެން ތެދުވިއެވެ. އެ ދިޔަ ގޮތަށް ގޮސް، މަންމަގެ ކޮޓަރިއަށް ވަނެވެ.
“ކިހިނެއްވީ މިހާރު؟” ސަލީމާ ގުންފައި ޖަހާފައި އައިސް ވަންތަން ފެނިފައި، ކަމެއް ގޯސްވެއްޖެކަން ޖަމީލާ ދެނެގަތެވެ.
“އެނގޭތަ ދެންމެ އައި ފޯނަކީ ކާކަށް އައި ފޯނެއްކަން!” ސަލީމާގެ އަޑުގައި ހުރީ ހަރު ގޮތެކެވެ.
“މާއިޝާއަށް ދޯ!”
“އާނ! ފާޑެއްގެ ފިރިހެނެއް. ވާހަކަދެއްކި ގޮތުން މަށަށް ޔަޤީން އެއީ އޭނާގެ ބިޓުކަން. ވެފައި ހުރިވަރުން އެ ރޯނާއަށް ނޭނގުނު މަގޭ އަޑު ޖެހުނީމަ ވެސް.”
“ފިރިހެނެކޭ؟ ބިޓޭ؟” ޖަމީލާ ތެޅެގަތްގޮތުން ހީވީ، ރަނުގެ ޚަޒާނާއެއް އަތްމައްޗަށް އެރިހެންނެވެ.
“އާނ! ހަމަ ޔަގީން އެއީ އޭނާގެ ބިޓުކަން.”
“ތި އޮތީ މަހާ އޮޑިޔާވެފަ. މި ފަހަރު ރީތި އެއްޗެއް ވާނީ ހަދައިލަން. ތިޔަ މަންޖެ ރަނގަޅަށް ތިރިކޮށްލާނަން!”
“ކިހިނެއް ހަދާނީ؟”
“ޣަފޫރުބެ ގާތުގައި ބޮޑުކޮށްލައިގެން ވާހަކަ ދައްކައިލާނީ.”
“ގަބޫލުކުރާނެތަ؟” ސަލީމާގެ ތުންފަތްމަތީގައި ކާމިޔާބުގެ ހިނިތުންވުމެއް ދުވެލިއެވެ.
“ކަށަވަރެއްނު! ތި ކަހަލަ ކަމެއް އޭނަ ކުރާކަށް އެނގިއްޖެއްޔާ، ޣަފޫރުބެގެ ސިކުނޑީގައި ހުޅުރޯވާނެ!”
“މަންމަގެ ހުރި ކުޅަދާނެކަމެއް މި ފަހަރު އެނގޭނެ!” ސަލީމާ ގޮސް އެނދު ހުރަހަށް އޮށޯތެވެ.
“ހުރެބަލަ ބަލަން!” ޖަމީލާ ލޯގަނޑު ކުރިމައްޗަށް ހުއްޓި، މޫނަށް އަރަމުން ދާ ކުދި ރޫތަކަށް ބަލަންފެށިއެވެ. މުސްކުޅިވަމުން އަންނަކަމާ މެދު ހިތް ދެކޮޅުހެދިޔަސް، މޫނާއި ހަށިގަނޑު އެކަން ބަލައިގަނެއެވެ.
“މޮޅު ވާހަކަ ދައްކާފަ ކަލޭ އަނެއްކާ އެ ފާޑަށް ފިރިހެނަކު ފެނިގެން ނުތެޅެއްޗޭ! ތި އިނީ މީހަކަށް ވައުދުވެފަކަން ހަނދާން ބަހައްޓާތި!.”
ޖަމީލާގެ އެ ޖުމުލައާ އެކު މޫސަބޭގެ ދުވަސްވީ މޫނު ސަލީމާގެ ކުރިމަތީން ސިފަވިއެވެ. އެ ވަގުތު އޭނާގެ ދެ ދަތްޕިލަ ބާރުވިއެވެ. ލޭގެ ހިނގުން ހަލުއިވިއެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. ސިކުނޑީގެ މައްޗަށް ބާރު ހިނގައިލީ މި ވަގުތު މަސްލަހަތަށް ވަރަށް ބޮޑަށް ބަލަންޖެހޭނެތީއެވެ. ވާހަކަ ބަދަލުކޮށްލީ މަންމަގެ އެ ޖުމުލަ އަޑިނީވޭކަމަށް ހަދާފައެވެ.
“ސިއްތި ބޮޑުދައިތައާ ގުޅައިގެން ކޮން ވާހަކައެއްތަ މިއަދު ދެއްކީ؟” އެއްޗެއް ނުބުނެ އިރުކޮޅަކު އޮވެފައި، ސަލީމާ އަހައިލިއެވެ. މި ވަގުތު ފަށަން އެންމެ ރަނގަޅު މައުޟޫއަކީ އެއީއެވެ. ފަހަރެއްގައި އުފާވެރި ޚަބަރެއް ވެސް ލިބިދާނެއެވެ.
“އޭނަ ލައްވާ ވެސް މި ކަންވޭތޯ މި އުޅެނީ.”
“މޫސަބެ ދޫކޮށްލީ؟” ސަލީމާ ފުންމައިގެން ތެދުވިއެވެ.
“އެއީ ފިސާރި އަމިއްލަ އެދުން ބޮޑު ފިރިހެނެއްނު!” ސަލީމާއާ ދިމާއަށް އެނބުރުނު އިރު، ޖަމީލާގެ މޫނުމަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ.
“އަދި މިހާރުތަ މަންމައަށް އެކަން އެނގުނީ؟”
“ގޯތީގެ އެއްބަޔާ ދަރިފުޅުގެ ކައިވެންޏަކުން ވެސް އެ ހިތެއް ނުފުރުނު.”
“ދެން…؟”
“މިހާރު އަނެއްކާ އާ ވާހަކައެއް ދައްކާތީ މި އުޅެނީ.”
“ކީކޯ؟”
“ފައިސާގެ ބޮޑު އަދަދެއް ވެސް ދޭންޖެހޭނެއޭ ބުނެފި.”
“ކޮންތާކުން އެ ވަރަށް ފައިސާ ދެނީ؟ މޫސަބޭ ލައްވާ ތިކަން ކުރުވަން އުޅޭނެކަމެއް ނެތް މަންމާ!” ލިބުނު ފުރުސަތުގައި އަވަސްއަވަހަށް ސަލީމާ ބުންޏެވެ.
“ކަލޭގެ ބަދު ދުޢާކަންނޭނގެ މި ޖެހެނީ.” ސަލީމާއާ ދިމާއަށް ޖަމީލާ ލޯ އަޅައިލިއެވެ.
“ވެދާނެ ތިހެން ވެސް.” މަންމަ ހުރި ފާޑުން ސަލީމާގެ ގާތަށް ހިނިއައެވެ. “ސިއްތި ބޮޑުދައިތަ ކީކޭތަ ބުނީ؟”
“ވިސްނާނަމޯ! އަދި ސީދާ ކޮށްދޭންވި ކަމެއް ނުބުނަން!”
ސިއްތި ބޮޑުދައިތަ އެ ކަމަށް އެއްބަސްވެ، މޫސަބޭގެ މުސީބާތުން ސަލާމަތްވެއްޖިއްޔާ ހާދަ ރަނގަޅޭ ސަލީމާގެ ހިތަށް އެރިއެވެ. އޭރުން އޭނާއަށް ޝާހިރާ ގުޅުމަށް އޮތް މަގު އަލިވެ ތަނަވަސްވީއެވެ. މަންމަގެ ރުހުމާ އެކު އެ މަގުން ދަތުރު ފެށޭނެއެވެ.
ޖެހިގެން އައި ދުވަހެވެ. އާދައިގެމަތިން ފަތިހު ފަތުހާ މާއިޝާ ތެދުވިއެވެ. ރޭ އިރާކޮޅު ދިމާވި ކަންތައްގަނޑާ މެދު ވިސްނާން އޮއްވާ ނިދުނުގޮތަށް އޭނާއަށް ހޭލެވުނީ އަދި ކިރިޔާއެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ގަޑިއަށް ބަލައިލިއެވެ. ސުބުޙާނަﷲއެވެ! ފަތިސް ނަމާދަށް ގިވައި ދިޔައީއެވެ. ހާދަ ވަރަކަށް ނިދިއްޖެއެވެ. އޭނާ ގޮސް ފާޚާނާއަށް ވަދެ ދަތް އުނގުޅައި، ވުޟޫކޮށްލައިގެން އައިސް ފަތިސް ނަމާދުކުރިއެވެ. ޤުރުއާން ކިޔަވާލަން އިރުކޮޅަކު އިނދެފައި، އިސްލާމް ފޮތް ހިފައިގެން މޭޒުދޮށުގައި ޖައްސާލިއެވެ.
ފިލާވަޅުތައް ކިޔާން އިންދާ ފޯނުމަތިން ހަނދާންވެގެން އޭނާ ތެދުވިއެވެ. ފޯނު އެ އޮތީ، ރޭ ސަލީމާ ގެނެސް ބޭއްވި ގޮތަށެވެ. އޭނާ ތެދުވެގެން ގޮސް ފޯނު ނަގައި ބަލައިލި އިރު، ފޯނު އޮތީ ނިވިފައެވެ. އޭނާ ފޯނު އޮންކޮށްލިއެވެ. ފާނު ބަލައިލާންކަމަށް އެނދުގައި އިށީނދެލިތަނާ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އޭނާ ދޮރާ ދިމާއަށް ބަލައިލިއެވެ. ފެނުނީ ބައްޕަގެ މޫނެވެ. ދޮރުމަތީގައި މާއިޝާއާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުރިތަނެވެ. އެ މޫނުމަތީން މާއިޝާއަށް ފެނުނީ ތަފާތު ކުލައެކެވެ.
“މިހާރު ތި ނޫން ކަމެއް ނޯވޭ ދޯ! ދަންވަރެއް ފަތިހެއް ހެނދުނެއް ނޯވެއެއްނު!” ޣަފޫރުގެ އަޑުގައި ވެސް ހުރީ މޫނުމަތީން ފެންނާން ހުރި ކުލަވަރުގެ ރަހަ ހިފާފައެވެ.
“ކިހިނެއްވީ ބައްޕާ!” މާއިޝާ ކަންބޮޑުވިއެވެ. އޭނާއަށް އެނދުން ތެދުވެވުނީ ބޭއިޚުތިޔާރުގައެވެ.
“ކިހިނެއްހޭ ވީ؟ އަދި މިއުޅެނީ ރަނގަޅަށް އިރު ނާރައިގެން. މިހާރު ތި އިނީ ފޯނު ނަގައިގެން ފޯނާ ކުޅެން. ނަމާދުކުރުމެއް، ޤުރުއާން ކިޔެވުމެއް، އިސްކޫލުގެ ފިލާވަޅެއް ހަދާލުމެއް މިހާރަކު ނޯވެއެއްނު!” ބައްޕަގެ އަޑުގައި ހުރި ނުހުމުގެ ދިލަ އިހުސާސްކުރެވުމުން، މާއިޝާއަށް އިސް އޮބައިލެވުނެވެ.
“މާއިޝާ ތި ހީކުރަނީ ބައްޕައަށް އެއްވެސް ކަމެއް ނޭނގޭނެކަމަށްތަ؟ އެހެން ހީނުކުރައްޗޭ!” ޣަފޫރު ކޮޓަރިއަށް ވަނެވެ. “ބައްޕައަށް އެނގޭ މިހާރު ތި އުޅޭގޮތް. ފޯނު ލިބުނު ފަހުން މާއިޝާގެ އުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެ! ފޯނު ދިން ދުވަހު ބައްޕަ ދެއްކި ހުރިހައި ވާހަކައެއް ހަނދާން ނައްތާލައިފި! ބައްޕަ އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން ބައްޕަގެ ބަސް މުގުރާފަ ތި ގޮތަށް ކަންތައް ކުރާން ކެރިދާނެ ކަމަކަށް.” ޣަފޫރު ހުރީ މާއިޝާގެ ކުރިމަތީގައި، ދެ ލޯ ބޮޑުކޮށްގެން މާއިޝާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އިސްއޮބައިލި ގޮތަށް އުފުލައިލާން ނުކެރިފައި މާއިޝާ ހުއްޓެވެ.
“ގެނޭ ތި ފޯނު!”
ޣަފޫރުގެ އަމުރުވެރި ޖުމުލައާ އެކު މާއިޝާ ވަގުތުން ފޯނު ދިނެވެ.
“ބައްޕަ ފޯނެއް ގަނެދިނީ، ފޯނުގެ ސަބަބުން ދަރިފުޅު ހަލާކުކޮށް މަގު އޮޅުވާލާކަށް ނޫން! އެހެންނަމަވެސް މި ފެންނަނީ އެހެން ވަމުންދާތަން. މިއީ ބައްޕައަށް ހެދުނު ގޯހެއްކަން މިހާރު ގަބޫލުކުރަން މަޖުބޫރުވެއްޖެ! އެހެންވީމާ ދެން ފޯނު އޮއްނާނީ ބައްޕަގެ އަތުގައި.” ފޯނު ހިފައިގެން ޣަފޫރު ކޮޓަރިން ނިކުމެ ދޮރޮ ލެއްޕިއެވެ.
ކޮޓަރީ އެނދުގައި ދެ ލޯ މަރާލައިގެން އޮތް ޖަމީލާ ލޯ ހުޅުވައިލީ، ޣަފޫރު ކޮޓަރިއަށް ވަންތަން ފެނިފައެވެ. ޖަމީލާއާ ދިމާއަކަށް ޣަފޫރެއް ނުބަލައެވެ. އެ ދިޔަ ގޮތަށް ގޮސް ހުޅުވައިލީ އަލަމާރިއެވެ. އަތުގައި އޮތް މާއިޝާގެ ފޯނު އަލަމާރިއަށް ލީތަން ޖަމީލާއަށް ފެނުނެވެ.
މި އުފާވެރި މަންޒަރާ އެކު، ޖަމީލާގެ ހިތް ނަށައިގަތެވެ. ރޭ ނިދާން އޮވެ ޣަފޫރުގެ ބޮލަށް ފެލައިލި ހުތްކިބައިގެ ރަހަގަނޑު ޣަފޫރަށް ކުރިލެއް ރަނގަޅުކަމުންނެވެ. ލިބުނު ހިތްހަމަޖެހުމާ އެކު އޭނާއަށް ދެ ލޯ މަރައިލެވުނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ޔަގީނުން ވެސް މާއިޝާ ދެކެ ޣަފޫރު ރުޅި އަތުވެއްޖެއެވެ. ކާމިޔާބުގެ ކޮޅުމަތި ފެނިލައިފިއެވެ. ދެން އޮތީ އިތުރަށް ހިތްވަރުކުރުމެވެ. ގޭގެ ހުރިހައި މަސައްކަތެއް މާއިޝާގެ އަތްމައްޗަށް ޖަހައި ހައްޓަން ލުޔެއް ހޯދަން އެބަ ޖެހެއެވެ.
“މި ފަހަރު ކާމިޔާބުވެއްޖެ! އަދިވެސް މަންޖެ ބުނާނެ މަށަކަށް ކަމެއް ނުވެޔޭ! ތި އަނގައިން ބޭރުކުރި ބަސް ތި އަނގައަށް ވައްދާފަ އެ އޮތީ!” ސިލީމާ ނިދާފައި އޮއްވާ ކޮޓަރިއަށް ވެދެ އޭނާ ހޭލައްވާލައިފައި އުފަލާ އެކު ޖަމީލާ ވާހަކަދައްކަން ފެށިއެވެ.
“ކީކޭތަ ތި ކިޔަނީ؟” ސަލީމާގެ އަޑުގައި ހުރީ ނިދީގެ ބަރުކަމެވެ. ނިންޖާއި ނުރުހުމުގެ ކަޅިއަކުން ޖަމީލާގެ މޫނަށް ބަލައިލުމަށްފަހު، އޭނާ އެނދުގެ ބިތްދޮށަށް އެނބުރި ކަންނޭލުގައި އޮޅުލައިގަތެވެ.
“ސާބަހޭ މި އޮތް ކަންނެތް އަންހެން ދަރިއާ! ކިތަންމެ އުފާވެރި ޚަބަރެއް ދިނަސް ބަލއިގަންނާކަށް ނޭނގޭނެ!”
“ކޮން ކަމެއްތަ ކުރެވިގެން ތި އުޅެނީ؟” ލޯ މަރައިގެން އޮވެ ކަންނެތް އަޑަކުން ސަލީމާ އަހައިލިއެވެ.
“ޣަފުރުބޭ މިއަދު މާއިޝާގެ ފޯނު އަތުލައިފި!”
“ކީކޭ؟” ސަލީމާ ފުންމައިގެން ތެދުވިއިރު ދެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ.
“އާނ! ޣަފޫރުބެ ފަތިހުފަތިހާ ގޮސް މާއިޝާ އަތުން ފޯނު އަތުލައިގެން ގެނެސްފި!”
“އަސްލުވެސްތަ؟ ދެން ކޮބާ ފޯނު؟”
“މަންމަގެ ކޮޓަރީ އަލަމާރީގަ.”
“މަންމަގެ ކޮޓަރިއޭ؟” މަލާމާތުގެ ގޮތަކަށް ޖަމީލާގެ މޫނަށް ބަލައިލަމުން ސަލީމާ ހީނލިއެވެ.
“ދެން ހެވޭ! އަޅެ ބުނެބަލަ! މަންމަގެ ވާހަކަ މޮޅެއް ނޫންތަ؟”
“ވަރަށް މޮޅު!”
“ކަލޭ ނުވާނެއޭ ބުނި ކަންތައް މިހާރު އެ އޮތީ ކާމިޔާބުކޮށްފަ. އަދިވެސް ކިޔާތި މަންމައަކަށް ކަމެއް ނުވާނެއޭ!”
“މަންމަ ތީ ގަދަ މީހެއް! އެކަމަކު މަންމަގެ ގަދަކަން އަސްލު އެނގޭނީ މަށަށް އެ ފޯނު ހޯދައިދިނިއްޔާ! ޣަފޫރުބޭ ގާތުގައި ބުނެބަލަ މަށަށް އެ ފޯނު ދޭށޭ!”
“ކެތްތެރިވެބަލަ! ފުރަތަމަ ބަލަންވީ މި ކޮށުނު ހަނިހަނި މަގުން، މަޑުމަޑުން ނަމަވެސް ކުރިއަށް ފިޔަވަޅެއް އެޅޭތޯ.”
“ރޭ މަންމަ ކީކޭތަ ޣަފޫރުބޭ ގާތުގައި ކިއީ؟”
“އެ ވާހަކަ ބާއްވާ! އޭނަގެ އެ ބޮލާ ކުޅެލާނެ ގޮތް މިހާރު އެބަ ދަސްވޭ!”
“ސިއްތި ބޮޑުދައިތައާ ގުޅައިގެން އޭނާ އެއްބަސްކުރެވޭތޯ ވެސް މިއަދު ބަލައްޗޭ! މޫސަބޭ ގާތުން ސަލާމަތްވާން އެބަ ޖެހެއެއްނު!” މޫސަބޭގެ ކައިވެނިން މިންޖުވެވިދާނެ ކަމުގެ ކޮޅުމަތި ފެންނަމުން އަންނާތީ ސަލީމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަންނަނީ ލިބެމުންނެވެ.
މާއިޝާ އިނީ ކޮޓަރީގައެވެ. އޭނާގެ ދެ ލޮލުގައި ވަނީ ކަރުނައިގެ ކޯރެކެވެ. ދެ ލޮލުން އޮހެމުން ދާ ކަރުނައިގައި ވަނީ ހިތިކަމެވެ. ހިތުގައި ޖަހަމުން ދަނީ ހިތާމައިގެ ވިންދެވެ. އޭނާ ދެރަވެ ކަންބޮޑުވަނީ ބައްޕަ އައިސް އޭނާގެ ފޯނު އަތުލީމައެއް ނޫނެވެ. އޭނާ ދެކެން ބޭނުންނުވާ ކުލަތަކެއް ބައްޕަގެ މޫނުމަތިން ފެނުނީމައެވެ. އަހަން ބޭނުންނުވާ ބަސްތަކެއް ބައްޕަގެ އަނގައިން ނިކުތީމައެވެ. މި ވީ ކިހިނެއްކަން އޭނާއަށް އެނގެއެވެ. ދޮންމަންމަގެ މޮޅު ވާހަކަތައް ބައްޕައަށް ގަބޫލުކުރެވުނީއެވެ.
މި ދިމާވި ކަންތަކާ މެދު މާއިޝާ ވިސްނިއެވެ. ވިސްނި ވިސްނިހެން ފެންނަނީ އޭނާގެ ކުށެވެ. ކަތި ފިޔަވަޅެއް އެޅިއްޖެކަން ގަބޫލުކުރަން މަޖުބޫރުވިއެވެ. ބައްޕަ އޭނާއަތަށް ފޯނު ދިނީ ލައްލަ ނަސޭޙަތް ދީފައެވެ. އެ ނަސޭހަތްތައް އޭނާއަށް ހަނދާން ނައްތާލެވިއްޖެއެވެ. ނުކުރާން ބުނި ކަމެއް ކުރެވިއްޖެއެވެ. އެއީ އޭނާއަށް ކުރެވުނު ކުށެކެވެ. އެ ކުށަށް އޭނާ އިއުތިރާފުވިއެވެ.
އިނދު މަތީގައި ހުއްޓުން އަރާފައި އިން މާއިޝާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެ ލޮލުން ފައިބައިފައި ހުރި ކަރުނަތައް ފޮހެލީ ދެން އެ ފަދަ ކަރުނައެއް ފޭބިޔަ ނުދިނުމަށް ކަނޑައެޅި އަޒުމާ އެކުގައެވެ. ކުރިއަށް އޮތް ތަނުގައި ބައްޕަ ނުރުހޭ ގޮތަށް ފިޔަވަޅެއް ނޭޅުމަށް އޭނާ އަޒުމުކަނޑައެޅިއެވެ.
އޮފީހަށް ގޮސް ސޮއިކޮށްލުމަށްފަހު، ޝާހިރު ގޮނޑީގައި ހަމަޖެހިލިއެވެ. އެއަށްފަހު ޖީބުގައި އޮތް ފޯނު ނެގިއެވެ. ހިތުގައި ބިންވަޅުނެގިފައިވާ ފޯނު ނަންބަރަށް ވަރަށް ފަރިތަކަމާ އެކު ގުޅައިލިއެވެ. އުއްމީދެއް އޮވެގެނެއް ނޫނެއެވެ. ރޭ ވެސް އެތައް ފަހަރަކު ގުޅި އިރު ވެސް އެ ފޯނު އޮތީ ނިވާލައިފައވެ. އެހެންނަމަވެސް ހިތަށް ކެތްނުކުރެވިގެން މިއަދު ވެސް އެ މަސައްކަތް ފެށުނީއެވެ.
ފޯނު ކަންފަތުގައި ޖައްސައިގެން ނާއުއްމީދުވެފައި އިން ޝާހިރުގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. މާއިޝާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އޭނާ އަވަސް އަވަހަށް ގޮނޑީގައި ހަމަޖެހިލިއެވެ. މާއިޝާ ފޯނު ނެގުމުން ދައްކާނެ ވާހަކަތައް ހިތުގައި ރާވާލިއެވެ. މާއިޝާ އުފާވާނޭހައި ގޮތަކަށް ވާހަކަ ބައްޓަން ކުރަން އޭނާ ވިސްނިއެވެ.
އުއްމީދުގެ އަލި އަލިކުލައިން ކުލަޖެހިފައިވާ ޝާހިރުގެ މޫނުމަތީގެ ކުވަރު ބަދަލުވީ، އެތައް އިރަކު މާއިޝާގެ ފޯނު ރިންގުވެފައި ކެނޑުމުނެވެ. މާއިޝާ ފޯނެއް ނުނެގިއެވެ. އެހެންނަމަވެސް އެ ވަރުން އޭނާ ހުއްޓައެއް ނުލިއެވެ. އަނެއްކާ ވެސް ގުޅައިފިއެވެ. ތިން ފަހަރު ގުޅުމަށްފަހު ނުނެގުމުން އޭނާ ފޯނު ބޭއްވިއެވެ. މާޔޫސީ ހިތަކާ އެކުގައެވެ. މޭޒުމަތީގައި ދެ އަތުގެ އުޅަނބޮށި ވިއްދާލުމަށްފަހު، ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ބާރަށް ހިފައިލިއިރު ހީވީ، ކުށްވެރިއަކީ އެ އިސްތަށިގަނޑުހެންނެވެ.
ހަވީރުގެ ވަގުތެވެ. ވަރުގެ ކޮޅަށް ނަލަހެދިލައިގެން ސަލީމާ ކޮޓަރިން ނިކުތެވެ. އެހެން ދުވަސްދުވަހާ ވަރަށް ތަފާތުކޮށެވެ. ލައިފައި ވަނީ ގަޔަށް ހިފާފައި ހުރި ޖީންސަކާއި ހަމަ އެ ފަދަ ކުރު މައްޗެކެވެ. އެ ކަހަލަ ހެދުމަކަށް ވަރުން އެޅޭ ފަދަ ކިއްސަރެއް ހަށިގަނޑުގައި ނެތަސް، އޭނާއަކަށް ފަރުވާލެއް ނެތެވެ. މޫނުގައި ޖަހާފައި ފުށާއި ތުންފަތުގައި ހާކާފައި ހުރި ކުލައަށް މޫނާއި ތުންފަތް ވެސް ކުރަނީ މަލާމާތެވެ.
ކޮޓަރިން ނިކުމެގެން ސަލީމާ ހިނގައިގަތީ ދޮރޯއްޓާ ދިމާއަށެވެ. އެ ދިޔަގޮތަށް ގޮސް ދޮރޯށި ހުޅުވާލުމަށްފަހު ނިކުމެ، ބޭރަށް ބަލައިލިއެވެ. މަގުމައްޗަށް ވެރިވެފައިވާ ހަވީރުގެ ހަލަބޮލިކަން އޭގެ ގޮތުގައި އޮތެވެ. ހިނގާ މީހުންނާއި ދުއްވާތަކެތި ކޮޅުކޮޅަށް ދަތުރުކުރެއެވެ. ސަލީމާ މަޑުކޮށްލީ ދޮރޯށީގެ އެއްފަރާތުގައެވެ. ދޮރުކަނީގައި ކެނގިލިއެވެ. މިއަދު އޭނާ މަގުގެ ދެކޮޅަށް ބަލަނީ ތަފާތު ނަޒަރަކުންނެވެ. މީގެ ކުރިން ބަލާ ނަޒަރަކުން ނޫނެވެ. އެ ނަޒަރާއި ހަރަކާތްތަކުން ފެންނަނީ މީހަކަށް ކުރާ އިންތިޒާރެވެ.
ޖަމިލާ މިއަދު ވެސް ވީ މޫސަބޭމެން ގެއަށް ގޮހެވެ. އޭނާ ދަމުން ސަލީމާގެ ގާތުގައި ވެސް ދާން އެދުނެވެ. އެހެންނަމަވެސް ސަލީމާ މިއަދު ވެސް އެ ކަމާ ދެކޮޅު ހެދީއެވެ. ކުރީ ދުވަހު މޫސަބޭގެ އަމިއްލަ އެދުން ބޮޑޭ ކިޔައިގެން ޖަމީލާ ވާހަކަ ދައްކާފައި އަނެއްކާ މިއަދު ދާން ތެޅެގަތުމުން ސަލީމާ އެ ވާހަކަ ވެސް އޭނާއާ ދިމާއަށް ބުންޏެވެ.
“ބަލަ މިހިރަ ހޭނުޖެހޭ އަންހެން ދަރިޔާ! ސިކުޑީގެ އެންމެ ނާރަކުން ވިސްނައިހެން ކަމަކު ނުދާނެ! ހުރިހައި ކޮޅަކަށް ވެސް ބަލައި ވިސްނަން ޖެހޭނެ! މިކަން ކޮޅެއްގައި ޖެހެންދެން މޫސަބެއާ މި އޮތް ގުޅުން ދަމަހައްޓަން ޖެހޭނެ! އެހެންނޫނީ އޭނާ މި ވާހަކަ މީހަކު ގާތުގައި ދައްކައިގެން، ޣަފޫރުބެއާ ހަމައަށް އަތުވެއްޖިއްޔާ އަހަރެމެން ކަނޑުފައްތާނެއެއްނު! ފުނާއަޅަން އެކަނި ބޭނުންކުރާ ބޮލަކަށް ތި ބޯ ނުހަދަބަލަ! ދެން ވެސް އަވަހަށް ތައްޔާރުވެގެން ހިނގާބަލަ ދާން!”
މި ހުރިހައި ވާހަކައެއް ދެއްކުމުން ވެސް ސަލީމާ ދާބަހަކު ނުވިއެވެ. އެންމެގަހުން ހިތްހަމަ ނުޖެހިފައި ހުރެ ޖަމީލާ ވީ ގޮހެވެ. ސަލީމާ އެކަމަކާ ހާހެއް ނުވެއެވެ. ކަންބޮޑެއް ނުވެއެވެ. އޭނާގެ ސިކުނޑީގެ ހުރިހައި ކަނެއް މިހާރު ހުސްވެފައި ވަނީ އެންމެ ކަމަކަށެވެ.
މާއިޝާގެ ސޫރަ ޝާހިރުގެ ހިތަކުން ނުފިލައެވެ. ފޯނުން ބައްދަލުވާ ގޮތް ނުވުމުން، މާއިޝާ ފެނޭތޯ އެ ގޭ ދޮށުން ތިން ހަތަރު ބުރު އަޅައިފިއެވެ. އޮފީސް ގަޑީގައި ވެސް އޭނާ ދެ ބުރެއް އެޅިއެވެ. އޮފީސް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ވެސް ބުރެއް އެޅިއެވެ. ހަވީރު ފެންވަރާލައިގެން ވެސް އޭނާ ގެއިން އެ ނުކުތީ، މާއިޝާ ފެނޭތޯ އެ ގޭ ގޮށަށް ގޮސްލުމަށެވެ.
މާއިޝާގެ ޚިޔާލާއި ފިކުރުގައި އިން ޝާހިރަށް މާއިޝާމެންގޭ ދޮރޯށި ދޮށުން އަންހެން ކުއްޖެއްގެ ސޫރަ ފެނިއްޖެއެވެ. އޭނާގެ މޭ ތެޅިގަތެވެ. ފުރަތަމަ ހިތް ބުނީ އެއީ މާއިޝާ ކަމުގައެވެ. އެ ވަގުތު އޭނާއަށް ސައިކަލުގެ ދުވެލި ކުރިއަށްވުރެ ހަލުއިކޮށްލެވުނެވެ. އެހެންނަމަވެސް ސައިކަލުގެ ފޮރުޅަށް އެޅުނީ އެންމެ ހައެއްކަ ބުރެވެ. ހިތުގެ ބަސްމަގު ބަދަލުވެއްޖެއެވެ. އެއީ މާއިޝާއެއް ނޫނެވެ. އެއީ އޭނާއެވެ. ކުރީ ދުވަހު ފެނުނު ސަލީމާއެވެ.
ޝާހިރު ބޭނުންވީ ވަގުތުން ސައިކަލު މަޑުކުރާށެވެ. ސައިކަލު އަނބުރާލުމަށްފަހު، އެނބުރި އައި ކޮޅަށް ދާށެވެ. އޭނާ ސައިކަލުގެ ބުރެތްކަށް ހިފައިލިއެވެ. އޭނާގެ އަމުރަށް ސައިކަލު ކިޔަމަންވެ ބޯ ލަނބައިފިއެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އޭނާ ފިކުރު ބަދަލުވެއްޖެއެވެ.
ނޫނެކެވެ! އެނބުރި އައި ކޮޅަކަށް ނުދާނަމެވެ. ދާނީ ކުރިއަށެވެ. އެގޭ ދޮށަށެވެ. ގޮސް ސަލީމާ ގާތުގައި މަޑުކޮށްލާނީއެވެ. ވާހަކަ ދައްކަން އިނދެލާނީއެވެ. އެހެން އިންދާ ފަހަރެއްގައި މާއިޝާ ދޮރޯށި ދޮށަށް ނުކުމެދާނެއެވެ. އެހެންވެއްޖެ ނަމަ އެންމެ ކުޑަމިނުން ފެނިލުމުގެ ނަސީބު ލިބޭނެއެވެ. އެއީ ވެސް ވަރަށް ބޮޑު އުފަލެކެވެ.
ޝާހިރު އަނެއްކާ ވެސް ސައިކަލު ދުއްވާލައިފިއެވެ. އޭނާ ގޮސް ސަލީމާގެ ގާތަށް މަޑުކޮށްލިއެވެ. ސަލީމާއަށް ޝާހިރުގެ ސޫރަ ފެނުމާ އެކު، ލިބުނު އުފަލެއްގެ ބޮޑުކަމުން ދެ ލޯ ބޮޑުވިއެވެ. މޫނުމަތީން އުފާވެރިކަމުގެ ކުލަވަރު ފެނުނެވެ.
“ޝާހިރު!” ސަލީމާގެ ދުލަށް ހަރަކާތެއް އައީ، އެއްޗެއް ނުބުނެވި އިރުގަނޑަކު ޝާހިރުގެ މޫނަށް ބަލާން ހުރެވުނުފަހުންނެވެ. “ތި އައީ ދޯ!”
“އާނ!” ޝާހިރުގެ ހުރިހައި ހިއްސެއް އެދެމުން ދަނީ މާއިޝާގެ ސޫރައަށެވެ.
“ކިހިނެއް؟” ސަލީމާ ކުރިއަށް ފިޔަވަޅެއް އަޅައި ޝާހިރުގެ ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިލިއެވެ. “ހާދަ އުފާވެއްޖޭ އައިމަ. މަ ހީ ވެސް ނުކުރަން.”
“ރަނގަޅު! ސަލީމާ ކިހިނެއް؟”
“ރަނގަޅެއް ނޫން!” ސަލީމާގެ ނަޒަރު އަދި ވެސް ހުއްޓިފައި ހުރީ ޝާހިރުގެ މޫނަށެވެ.
“އެއީ؟”
“އަހަންނާ ދިމާއަށް ބަލައިލާފައި ހީ ވެސް ނުލަމެއްނު! އަހަރެން ފެނުމުން އުފާވާހެނެއް ހިއެއް ނުވޭ.”
“މިތާ ތި ހުރީ ކީއްވެ؟” ސަލީމާ ބުނި ވާހަކަ އިވުނުކަމަކަށް ޝާހިރު ނުހެދިއެވެ.
“އިންތިޒާރުގަ. ތި މޫނު ދެކެލާހިތުން.”
“ކޮބާ ތިގޭ މީހުން؟” އެ މައުޟޫއަށް އެންމެ ލަފުޒެއް ވެސް އަޅައިލާކަށް ޝާހިރު ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ މާއިޝާ ކޮބައިތޯ ބަލާށެވެ.
“އެކި މީހުން ވީ އެކި ތަނުގައި. އަހަރެން އެކަނި ގޭގަ.”
“އެހެންތަ؟”
“އެނގޭތަ އަހަރެން ބޭރަށް ނުގޮސް މި ހުރީ ކީއްވެކަން؟”
“އާނ!” ޝާހިރު ފަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
“ބުނަބަލަ!” ޝާހިރު ހިނިތުންވެލުމުން ސަލީމާގެ ހިތް ފުރި ބަންޑުންވިއެވެ.
“ދާހިތް ނުވީމައެއްނު ނުދާނީ!”
“ނޭނގުނު!”
“އެހެންވިއްޔާ ދާހިތްވިލެއް ބޮޑުކަމުން!”
ޝައުޤުވެރިކަމެއް ނެތް ވާހަކަތަކެއްގައި ފަނަރަ ވަރަކަށް މިނެޓް ޝާހިރު މަޑުކުރިއެވެ. ހަމަ އެންމެ ބޭނުމަކުއެވެ. އެންމެ ސކުންތަކަށް ނަމަވެސް މާއިޝާގެ މޫނު ފެނިލުމުގެ ނަސީބު ލިބޭތޯއެވެ. އެންމެފަހުން އޭނާ އެތަނުން ނައްޓާލައިފިއެވެ. ދާހތަކުން ނޫނެވެ. ސަލީމާގެ އުނދަގޫ ބޮޑުވީއެވެ. ލަދެއް ހަޔާތެއް ނެތް ކުއްޖަކަށްވުމުން މަޑުކޮށްލައިގެން އިނދެވޭވަރު ނުވީއެވެ.
“މާދަމާ ވެސް އަންނައްޗޭ!” ސަލީމާގެ އަތުގެ ތެރެއިން ގަދަކަމުން ކަހަލަ ގޮތަކަށް އަތް ދަމައިގެންފައި ޝާހިރު ނައްޓާލުމުން ސަލީމާ ގޮވައިލިއެވެ.
އިރު އޮއްސުމުގެ ވަގުތު ކުޑަތަން ވަނީއެވެ. މާއިޝާ އައީ ޓިއުޝަން ނިންމާފައި އިރު އޮއްސުމުގެ ކުރިން ގެއަށް ވަދެވޭތޯއެވެ. އެހެންކަމުން އޭނާގެ ހިނގުން ވަނީ ތަންކޮޅެއް ހަލުއިވެފައެވެ. ތަންކޮޅަކަށް ދިޔަތަނާ ފެނުނު މީހެއްގެ ސަބަބުން މާއިޝާ ސިހުނެވެ.
މާއިޝާއަށް އޭނާގެ އަމިއްލަ ދެ ލޮލަށް އިތުބާރެއް ނުކުރެވުނެވެ. އެހެންކަމުން އަވަސް އަވަހަށް އެސްފިޔަޖަހައިލެވުނެވެ. ބަދަލެއް ނުވިއެވެ. އެއީ ހަމަ އޭނާއެވެ. ޝާދިޔާއެވެ. މާއިޝާ ނުހަނު ލޯބިވާ އޭނާގެ ޝާދިޔާ ދައްތައެވެ. މަންމައެއް ފަދަ ހެޔޮ ޝާދިޔާ ދައްތައެވެ. މާއިޝާއާ އެއް މަގެއްގައި، އޭނާއަށް ވުރެ ތިރީހަކަށް ފޫޓު ދުރުން ހިނގާފައި ކުރިއަށް ދަނީއެވެ. އަތުގައި އޮތް ކޮތަޅު ބުނެދެނީ، ފިހާރައަކުން އެއްޗެއް ގަނެގެން ދަނީކަމުގައެވެ.
ޝާދިޔާ ފެނުމުން މާއިޝާގެ ފިޔަވަޅަށް ހަލުއިކަން ވެރިވިއެވެ. އޭނާ ދެ ފަޔަށް ބާރުލާފައި ކުރިއަށް ވުރެ ބާރަށް ހިނގައިގަތެވެ. ބޭނުންވަނީ އަވަހަށް ގޮސް ޝާދިޔާ ދައްތައާ އަރައި ހަމަކުރާށެވެ. އެހައި ދުވަސްކޮށްފައި ފެނުމުން ލޯބިން ބައްދައިލާށެވެ. ހިތުގައި ފުނިޖެހިފައިވާ އިހުސާސްތައް ޝާދިޔާ ދައްތަގެ އުނގަށް ބަންޑުންކޮށްލާށެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯވެ.
މާއިޝާއަށް ޝާދިޔާއާ ހަމައަށް ނުދެވެނީސް، މަގުގެ ކަނާތްފަރާތުން ފުރަތަމަ ޖެހުނު ގޯޅިއަށް ޝާދިޔާ އަޅައިފިއެވެ. އެ ވަގުތު މާއިޝާގެ ހިނގުން ކުރިއަށްވުރެ ވެސް އެ ހަލުއިކޮށްލިއެވެ. އެ ދިޔަ ގޮތަށް ގޮސް އެ ގޯޅިއަށް އަޅައިފިއެވެ. އެއީ ހަނިހަނި ގޯޅިއެކެވެ. މާ ދިގު ގޯޅިއެއް ވެސް ނޫނެވެ. ގޯޅިއަކު މާ ގިނަ މީހުންނެއް ވެސް މި ވަގުތަކު ނެތެވެ.
ގޯޅިއަށް އެޅުމާ އެކު، މާއިޝާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އަވަސް އަވަހަށް ގޯޅީގެ އެކި ދިމަދިމާއަށް ކަޅި ހިންގައިލެވުނެވެ. އެހެންނަމަވެސް ޝާދިޔާއެއް އޭނާގެ ދެ ލޮލަކު އަޅައެއް ނުގަތެވެ. ޔަގީނެވެ. މި ގޯޅީގައި ހުރި ކޮންމެވެސް ގެއަކަށް ވަނީއެވެ. ފަހަރެއްގައި ފިހާރައަކަށް ވަނީ ކަމަށް ވެސް ވެދާނެއޭ ހިތަށް އެރުމުން، މާއިޝާ ކުރިއަށް ފިޔަވަޅުއަޅާން ފެށިއެވެ. އެ ގޯޅިއަކު ފިހާރައެއް ނެތެވެ. އެހައިތަނުން އޭނާއަށް ޔަގީންވީ، މި ގޯޅީގައި ހުރި ގެއަކަށް ޝާދިޔާ ވަނީކަމެވެ. ދިހަވަރަކަށް މިނެޓް އެ ގޯޅީގައި މާއިޝާ މަޑުކުރިއެވެ. ޝާދިޔާ ނިކުމޭތޯއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ މާޔޫސްކަމާއި ނާއުއްމީދާ އެކު އެނބުރި އައި ކޮޅަށް ހިނގައިގަންނާށެވެ. އިރު އޮއްސި އަނދިރިވާން ފެށުމުންނެވެ.
ޣަފޫރު އިނީ ބާޒާރުމަތީގައި ހުރި ފިހާރައިގައެވެ. މިއަދު ފިހާރައިގައި އިންނަ ދިވެހި މީހާ ބަލިވެ އުޅޭތީ ގަފޫރަށް ވަނީ ފިހާރައިގައި މަޑުކުރާން ޖެހިފައެވެ. ބާޒާރުގެ ހަލަބޮލިކަމުގެ ތެރޭގައި އިން ޣަފޫރުގެ ސިކުނޑީގެ ހަލަބޮލިކަން ވެސް މާ ކުޑައެއް ނޫނެވެ. އެތައް ކަމަކާ ވިސްނާން އޭނާއަށް ވަނީ ޖެހިފައެވެ. މި ފަދަ ދަނޑިވަޅުތަކުގައި މާހިރާ މަތިން އޭނާ ވަރަށް ބޮޑަށް ހަނދާންވެއެވެ.
“ކޮބާ ޣަފޫރު؟ ކިހިނެއްތަ ކަންތައްތައް؟” ނަމާދަށް ގޮވުމުން ފިހާރަ ބަންދުކޮށްފައި ސައިކަލާ ދިމާއަށް ހިނގައިގަތްތަނާ އޭނާގެ ރައްޓެއްސަކާ ދިމާވިއެވެ.
“ހާލު ރަނގަޅު! އެހެންނަމަވެސް ވިޔަފާރި ވަރަށް ދަށްކޮށް ދަނީ.”
“އަހަރެން ވެސް ހަމަ ތި ހާލެއްގައި މި އުޅެނީ. ކިރިހާ މަހުން މަހަށް ޚަރަދު ބަޗާވަރު ވަނީ.” އެއީ މާލޭގައި ކުޑަ ފިހާރައެއް ހުޅުވައިގެން އުޅޭ މީހެކެވެ.
“މުޅި ދުނިޔެ ވެސް މިހާރު މި އޮތީ ވަރަށް ދަށް ހާލަތެއްގައެއްނު! އެކަން ފެންނާނެ ވިޔަފާރިތަކުން ވެސް.”
“ރަނގަޅު ވާހަކައެއް ތީ.”
“ލިބޭ ކޮޅު އެހައި ހިމަ. ދާ ކޮޅު އެހައި ފަލަ. ދެން ކިހިނެއް ވާނީ!” ޣަފޫރު އެ ބުނީ ގޭތެރޭގެ ޚަރަދު ބޮޑު ވާހަކައެވެ.
“އަހަރެމެން ޚަރަދަށް ބަލައިގެން އުޅުނަސް ކިހިނެއްތަ ޚަރަދު ކުޑަވާނީ؟ މާއިޝާ ވެސް ކޮޓަރިން ނިކުމެގެންދާއިރު، ބޮތްކެއް، އެއާރކޯނެއް ނިވައެއް ނުލާނެ!” ގޭގެ ޚަރަދު ކުޑަކުރާ ވާހަކަ ޖަމީލާގެ ގާތުގައި ޣަފޫރު ދެއްކުމުން، ޖަމީލާ ކުށްވެރިކުރީ މާއިޝާއެވެ.
“އަބަދު މާއިޝާ، މާއިޝާ ނުކިޔާ، އަމިއްލަ ޒިންމާ ވެސް ނަގަން ދަސްކޮށްބަލަ!”
“ތިހެން ބުނީމަ ހީވަނީ އަހަރެން އެއްކަމެއް ވެސް ނުކޮށްހެން މި ގޭގައި މި އުޅެނީ.” ޖަމީލާ ވެސް ނުރުހޭގޮތްވިއެވެ.
“ކަމެއް ނުކުރާ ވާހަކައެއް ނުބުނަން! އެކަމަކު ދެންމެ އަހަރެން ވަދެގެން މި އައިއިރު ވެސް، ސިޓިންރޫމުގައި ހުރީ އޭސީ ޖައްސާފަ. އަދި އެވަރުން ނުވެގެން ދެ ފަންކާ ވެސް ޖަހާފަ. ތިން ބޮކި ވެސް ދިއްލާފަ. ބަދިގެ ވެސް ހުރީ ނިވާނުލައި.”
“އަހަރެން އަދި މި ރެއަކު ސިޓިން ރޫމަކަށް ނުނިކުންނަން. ސަލީމާ ރައްޓެހި ކުއްޖަކާ އެކު ހަވީރު ބޭރަށް ދިޔަ ގޮތަކަށް އަދި ނާދޭ. ދެން ކާކު ތިކަން ކުރާނީ؟” ޣަފޫރަށް އޮޅުވާލުމަށް ޓަކައި ބޮޑު ދޮގެއް ހަދައިގެން، ޖަމީލާ މަސައްކަތްކުރީ މާއިޝާގެ ބޮލަށް އެކަން ވެސް ކަނޑައިލެވޭތޯއެވެ.
“މާއިޝާ ކޮބައި މިހާރު؟” ކޮޓަރިން ނިކުމެގެން، ޣަފޫރު ހިނގައިގަތީ، މާއިޝާގެ ކޮޓަރިއާ ދިމާއަށެވެ.
މާއިޝާ އިނީ ކޮޓަރީ ސޯފާގައެވެ. ޓިއުޝަން ނިންމާފައި އައިސް އެއްޗެހި ވެސް ބަދަލުނުކޮށެވެ. އޭނާގެ މޫނުމަތިން ފެންނާން ހުރީ ހިތާމައިގެ އަސަރެވެ. ޝާދިޔާ ފެނިފައި ބައްދަލުނުވުމުން މާ ބޮޑަށް ދެރަވީއެވެ. ޝާދިޔާ އެ ގެއިން ދިޔަ ފަހުން ފެނުނު ފުރަތަމަ ދުވަހަކީ މިއަދެވެ.
“ދަރިފުޅާ!” މީހަކު ގޮވައިލި އަޑަށް މާއިޝާއަށް ބަލައިލެވުނެވެ. ދޮރުމަތީގައި ހުރީ ޣަފޫރެވެ. މާއިޝާ އަވަސް އަވަހަށް ދެ ލޯ ފޮހެލަމުން ތެދުވިއެވެ. ޣަފޫރަށް މި މަންޒަރު ފެނުނެވެ. އެހެންނަމަވެސް ފެންނަކަމަކަށް ނުހަދައެވެ.
“ދަރިފުޅު ކީއްވެފަ ތި އިނީ؟” ޣަފޫރު ކޮޓަރިއަށް ވަނެވެ.
“ކަމެއް ނުވޭ! ހަމަ އިނީ.”
“އިށީނދެބަލަ!” ޣަފޫރު އައިސް ސޯފާގައި އިށީންނަމުން މާއިޝާގެ އަތުގައި ހިފައި ސޯފާގައި ބޭންދިއެވެ. “މިއަދު ޓިއުޝަނަށް ދިޔައިންތަ؟”
“އާނ!” މާއިޝާ ބޯ ޖަހައިލިއެވެ.
“މިހާރު ބައްޕައަށް ބައެއް ދުވަސް ދުވަހު ނާދެވެނީ، ފިހާރައިގެ ކަންކަމުގައި މާ ބިޒީކޮށް އުޅޭންޖެހޭތީ. ދަރިފުޅަށް އެނގޭދޯ އެ ކަން؟”
އާނއެކޭ ބުނުމުގެ ގޮތުން މާއިޝާ ބޯޖައިލިއެވެ.
“މި ދުވަސްކޮޅު ވިޔަފާރި ވަރަށް ދަށް. އެހެންނަމަވެސް ދަރިފުޅު އެކަނި ހިނގާފައި ޓިއުޝަނާށާއި ތަންތަނަށް ދާންޖެހޭތީ، ބައްޕަ މި އުޅެނީ ކާރެއް ގަންނަންކަމަށް. ފިހާރައިގައި އުޅޭ ބަޝީރު އަތުގައި ލައިސަންސް އޮވޭ. އޭރުން ބައްޕައަށް ނާދެވޭ ފަހަރުފަހަރު ކާރުގައި ދެވޭނެއެއްނު ދޯ!” މާއިޝާގެ ބުރަކަށީގައި ޣަފޫރު ވަރަށް ލޯބިން ފިރުމައިލިއެވެ.
މާއިޝާގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. ބައްޕަ އައިސް، ލޯބިން ވާހަކަ ދައްކަން ފެށުމުންނެވެ. އެހައި ލޯބިން ފިރުމައިލުމުންނެވެ. އެއީ އޭނާ އަބަދުވެސް އެދޭ ކަމެކެވެ. ބައްޕަ ފިޔަވައި އެ ގޮތަށް ލޯބިން ފިރުމައިލާނެ މީހަކު އޭނާގެ ނެތެވެ.
“ބައްޕަ ތި ގޮތަށް ލޯބިން ވާހަކަ ދެއްކީމަ ހާދަ އުފާވޭ.”
މާއިޝާ ބޭނުން ވަނީ ބައްޕަ ގާތުގައި މިހެން ބުނާށެވެ. އެހެންނަމަވެސް އޭނާގެ ދުލަކަށް ހަރަކާތެއް ނައެވެ. އޭގެ ބަދަލުގައި ދެ ލޮލުން ހިލުނީ ކަރުނައެވެ. އޭނާ ބައްޕަގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އެއާއެކު ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. އެކި ކަންކަމާ ގުޅިގެން އެތައް ދުވަހަކުއްސުރެ ހިތުގައި ފުނިޖެހެމުން ދިޔަ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވާންފެށި ކަހަލައެވެ.
“ބައްޕަ ރެއާއި ދުވާލު މަސައްކަތް މި ކުރަނީ ހަމަ ދަރިފުޅަށް ޓަކައި. ދަރިފުޅުގެ ކުރިމަގަށް ޓަކައި.” މާއިޝާގެ ގައިގައި ބައްދާލައިގެން އިނދެ ޣަފޫރު ވާހަކަދައްކަންފެށިއެވެ. “ދަރިފުޅު އަތުން ބައްޕަ ފޯނު އަތުލީ، ދަރިފުޅު ދެކެ ރުޅިއައިސްގެނެއް ނޫން! އަންނަ މަހު ދަރިފުޅުގެ އޯލެވެލް ފެށޭނެ. ދަރިފުޅަށް ރަނގަޅު ނަތީޖާއެއް ލިބުމަކީ ބައްޕަ ވަރަށް ބޮޑަށް ދެކެން ބޭނުންވާ ކަމެއް.”
މާއިޝާއާ ވަރަށް ގިނަ ވާހަކަ އެ ރޭ ޣަފޫރު ދެއްކިއެވެ. ކިޔެވުމުގެ ވާހަކައެވެ. ނަމާދުކުރުމާއި ޤުރުއާން ކިޔެވުމަށް އިސްކަންދޭން އެދުނެވެ. އަދި އެ ރޭ މާއިޝާއަށް ދެވަނަ ފަހަރަށް ފޯނު ދިނެވެ. ކިޔެވުމާއި ކިޔެވުމާ ގުޅުން ހުރި ކަންކަން ނޫން ކަމެއް ފޯނު ނުކުރުމަށް ބުނެފައެވެ. ފޯނުން ވާހަކަ ދައްކާނީ ވެސް ކުލާސް ކުދިންނާ، ކިޔެވުމާ ގުޅުން ހުރި ވާހަކަތައް ކަމަށް ބުނެފައެވެ. ކިޔެވުމަށް ހުރަސްއެޅޭ ފަދަ އެއްވެސްކަމެއް ނުކުރުމަށް ބުނެފައެވެ.
ޝާހިރު އިނީ އޮފީހުގައެވެ. އޭނާ ރޭ ވެސް ދެތިން ފަހަރު މާއިޝާއަށް ގުޅިއެވެ. މިއަދު ހެނދުނު ވެސް ހައެއްކަ ފަހަރު ގުޅިއެވެ. މާއިޝާ އިސްކޫލަށް ދިޔުމުގެ ކުރިންނެވެ. އެހެންނަމަވެސް މާއިޝާ ފޯނެއް ނުނަގައެވެ. ކުރާ މެސެޖަކަށް ޖަވާބެއް ނުދެއެވެ. ޝާހިރުގެ މާޔޫސްކަން ވަނީ ބޮޑެވެ. ހަދާނޭ ގޮތަކާ މެދު އޭނާ ވިސްނަމުން ގެންދިޔައެވެ. މާއިޝާގެ މަތިން އަބަދަށް ހަނދާން ނައްތާލަށް ވެސް ހިތަށް އަރައެވެ. އެހެންނަމަވެސް އެ ހިތްވަރެއް އޭނާއަކަށް ނުލިބެއެވެ.
ސަލީމާއަށް ހޭލެވުނީ ދިހައެއް ޖަހައި ބޮޑުވިފަހުންނެވެ. ސައި ބޮއިގެން ނިކުތްއިރު އެގާރަ ޖަހައިފިއެވެ. ޖަމީލާ ބަދިގެއަށް ވަންއިރު ބަދިގޭގެ ބޮތްކާއި ފަންކާ ހުރީ ނިވާނުލައެވެ. އެއީ ސަލީމާގެ ކަމެއްކަން ޖަމީލާއަށް އެނގެއެވެ.
“ތި އިނީ ބަދިގޭ ފަންކާއާއި ބޮކި ނިވާނުލައެއްނު އައިސް!” ސަލީމާ ސިޓިން ރޫމުގައި ޓީވީ ހުޅުވާލައިގެން އިންދާ ޖަމީލާ އައިސް ބުންޏެވެ.
“އެ ވަރުގެ ކަމެއްތަ އެއީ؟”
“މަށެއް ނޫނޭ ކަމަކަށް ވެގެން މި އުޅެނީއެއް! ޚަރަދުކުޑަކުރާށޭ ކިޔައިގެން ކުރީ ރޭ ވެސް ޣަފޫރުބޭ ވަރަށް ވާހަކަ ދެއްކި.”
“ދެން އެއްވެސް އެއްޗެއް ނުދިއްލާތަ މި ގޭގައި އުޅެންވީ؟” ސަލީމާ ތުން ދަމައިލިއެވެ.
“މަ ބުނީ މާއިޝާއޭ ކަރަންޓަށް ނުބަލާ އުޅެނީ. އަހަރެމެން ތަންތަން ނިވައިގެނޭ އުޅެނީ. އެހެންވީމަ ކަލޭ ވެސް މާއިޝާ ގޭގައި ނުޅޭއިރު، ތަންތަން ނިވާފަ ބަހައްޓަން ހަނދާން ބަހައްޓާތި!” މާއިޝާ މި ގަޑީގައި ވީ އިސްކޫލުގައެވެ.
“ތި ވަރަކުން ނުވާނެ!” ސޯފާއަށް ދެ ފައި އަރުވަމުން ސަލީމާ ބުނެލިއެވެ.
“ކެތްކޮށްލާ! ދެން ނެތެއްނު މާ ގިނަ ދުވަހެއް! އަންނަ މަހު ތޭރައިގައި އަށާރަ ފުރޭނެ! މި މަހުން މިއަދު އަށާވީސް.” ޖަމީލާ ހުންނަނީ ސަލީމާއަށް އަށާރަ އަހަރު ފުރޭ ދުވަސް ބަލަބަލައެވެ.
“މަށެއް ނީންނާނަން އެ މީހާގަނޑަކާ.” ސަލީމާ ވަގުތުން ދެކޮޅުހެދިއެވެ. ޝާހިރާ ބައްދަކުވިފަހުން މޫސަބޭގެ ވާހަކަ ބުންޏަސް ސަލީމާ ފަކުރުގަނެއެވެ.
“ކަލޭ އިންނާނެ އެ މީހާގަނޑާ!” އެއަށްވުރެ ބާރަށް، ހަރުކަށިކަމާ އެކު ޖަމީލާ ބުންޏެވެ.
“މަންމަ ކީއްވެތަ ދެފަހަރު ދެ އަނގައިން ވާހަކަ ދައްކަނީ؟ ކުރީ ދުވަހު ބުނި މޫސަބޭގެ އަމިއްލަ އެދުން ބޮޑު ވާހަކަ. ސިއްތި ބޮޑުދައިތަ ލައްވާ އެކަން ކުރުވާ ވާހަކަ. މިހާރު އަނެއްކާ ތި ކިޔަނީ އެހެން އެއްޗެއް! މަށަކަށް ނޭނގެ މަންމަ ތި އުޅޭ ގޮތެއް. ބޯ ހަލާކު!”
“ބޯ ހަލާކުވާކަށް ނުޖެހޭ! މަ އެއް ފަހަރު ވެސް ބުނިންތަ ކުރިން ބުނި އެތި ކެންސަލޭ؟”
“މަށަކަށް މަޖަލެއް ނޫން!”
“މަޖާ ނުވިޔަސް، ތި ރުޅި މަޑުކޮށްބަލަ! މަންމަ އެއްވެސްކަމެއް ނުނިންމާނަން ދެ ކޮޅަށް ބަލާފަ ނޫނިއްޔަކާ. މި ގޮތަށް މިކަން ނިންމުމުގައި ވެސް ސަބަބެއް އޮންނާނެކަމަށް ގަބޫލުކޮށްބަލަ!”
“މި ގެއާއި ޣަފޫރުބޭގެ މުދާގަނޑު. އެއީ ސަބަބަކީ. މަ މިހާރު ބޭނުމެއް ނޫން މިއިން އެކައްޗެއް ވެސް!”
“އެހެންތަ؟” ޖަމީލާގެ ދެ ލޯ ތަޅުންގަނޑު މައްޗަށް ވެއްޓުނު ކަހަލައެވެ. “މިހާރު ކިހިނެއް ތި ވީ؟ ރާގު ބަދަލުވީ؟ ލަވަ ބަދަލުވީ؟ ކޮބާ ކުރިން ތި ހިތަށް ވަދެ ތާށިވެފައި އޮތް ދަހިވެތިކަމުގެ ހިލަގަނޑު؟ ކޮންތާކަށް ބުރައިގެން ދިޔައީ؟”
“ނޭނގެ މަށަކަށް!”
“ބަލަ މިއަދު މަ ލޯ މަރައިލިޔަސް ކަލޭ ޖެހޭނީ ދެ އަތް ފޮޅައިލާފަ މި ގެއިން ނިކުންނާށޭ! އެ ދުވަހަކު ތި އަތުގައި އައިސް ހިފާނެ މީހުންތަކެއް ނުވާނެ! މިކަން ކާމިޔާބުވެއްޖިއްޔާ ހުރިހައި މޮޅެއް ވެސް އޮތީ ކަލެއަށް!”
ޖަމީލާގެ އެ ވާހަކައާ މެދު ސަލީމާ ވެސް ވިސްނައިލިއެވެ. އެއީ ރަނގަޅު ވާހަކައެކެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ.
“މަންމަގެ ވާހަކަ އެހެން އަތަކަށް ބަދަލުވެގެން ތި އުޅެނީ ކީއްވެތަ؟ ސިއްތި ބޮޑުދައިތަ ލައްވާ ތި ކަން ކުރުވަންވީނު!” ސަލީމާގެ އަޑާއި ރާގު ބަދަލުވެއްޖެއެވެ. މައިތިރިވެއްޖެއެވެ.
“އާނ! ވީ ގޮތް އަޑުއަހާ! މަންމަ ކުރީ ދުވަހު ދުރުދުރުން މޫސަބެއާ ވާހަކަ ދައްކާލިން. މަންމަ ދެއްކި ވާހަކައިން އޭނަ ލައްވާ އެ ކަން ނުކުރުވަން އުޅޭހެން އޭނާއަށް ހީވާއިރަށް ވަގުތުން ދިނީ އިންޒާރު.”
“ކޮން އިންޒާރެއް؟”
“ބުނީ ޖަމީލާގެ ތި ގޮތަށް ކަންކުރަން ނިންމައިފިއްޔާ، ޖަމިލާގެ ތި ނުބައި ރޭވުން ޣަފޫރާ ހަމައަށް ދާކަށް މާ ގިނަ ދުވަހެއް ނުނަގާނެޔޯ!”
“ދެން…؟”
“ދެން ކިހިނެއް ވާނީ؟ މަންމައަށް ނޭނގުނު އިނދެވުނުތަން ވެސް. ގައިން ފާޑެއްގެ ހީބިހިގަނޑެއް ނަގައިގަތީ.”
“ދެން ކީކޭ މަންމަ ބުނީ؟” ސަލީމާގެ މޫނުމަތިން ވެސް ކަންބޮޑުވުން ފެނުނެވެ.
“ބުނާނެ އެއްޗެއް ނޭނގި އިނދެފައި، އެންމެފަހުން ބުނެވުނީ، އެއީ އެހެން ބުނި އެއްޗެއް ނޫނޭ! މޫސަބޭ ބުނި ގޮތެއް ހަދައިގެން މޫސަބޭ ލައްވައޭ މި ކަން ކުރުވާނީ. އެހެންވީމަ މި ބުނީ، މޫސަބޭ ރުޅިއަރުވަން ނޫޅޭށޭ! އޭނާ ރުއްސުނު ގޮތަކަށް ރުއްސައިގެން އުޅެންވާނީ. އެހެންނޫނީ އަހަރެމެންގެ ދުވަސް ދުއްވައިލާނެ!”
އާދައިގެ މަތިން މިއަދު ވެސް ހަވީރު ފަހެއް ޖެހިއިރު ސަލީމާ ދޮރޯށި ދޮށަށް ނިކުތެވެ. ޝާހިރުގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމައްޗަކުން އުފާވެރިކަމެއް ނުފެނެއެވެ. މޫސަބެއާ ކައިވެނިކުރާން ޖެހޭ ދުވަސް ބޮޑު ބިރެއް ފަދައިން ގަޔާދިމާއަށް އަންނާތީއެވެ. އޭނާގެ ހިތުގައި ކުރެހިފައިވާ ސޫރައިގެ ވެރިޔާ، އޭނާއަށް ލިބޭނެކަމުގެ ކުޑަ ވެސް އުއްމީދެއް ނެތީމައެވެ. ހިތަށް ވެރިވަމުން އަންނަ ނުތަނަވަސްކަން ކުޑަވޭތޯ އެ ފިކުރުތަކާ ދުރުވާން އޭނާ ވަރަށް މަސައްކަތްކުރެއެވެ. ޝާހިރުގެ ސޫރަ ފެނިލިޔަސް އޭނާގެ ހިތަށް ފިނިކަން ލިބޭނެއެވެ.
ކަން ވީ ވެސް ހަމަ އެހެންނެވެ. މާޔޫސްވެ މޫނުމަތީގެ ކުލަވަރު ބަނަވެފައި ހުރި ސަލީމާގެ މޫނުމަތި، ހަމަ ކުއްލިއަކަށް އުޖާލާ ވެއްޖެއެވެ. ދޮރޯށި ދޮށުގައި ހުއްޓާ، ޝާހިރު އައިސް އޭނާގެ ގާތަށް މަޑުކޮށްލިތަން ފެނިފައެވެ. ޝާހިރުގެ ރީތި މޫނު ފެނުމާ އެކު، ހުރިހައި ފިކުރަކާއި ޚިޔާލެއް އޭނާގެ ސިކުނޑި ދޫކޮށް އުދުހިގެންފިއެވެ. މާ ދުރަށެވެ. އެއާއެކު ބޮލަށް ލުއިވެ، ހިތަށް ފަސޭހަ ވެއްޖެއެވެ.
“ސަލީމާ!” ހިނިތުންވެލަމުން ޝާހިރު ގޮވައިލިއެވެ. “ކިހިނެއް؟” ޝާހިރުގެ އަޑާއި މޫނުމަތީގެ ކުލަވަރުން ސަލީމާއަށް ފާހަގަކުރެވުނީ ގާތްކަމެވެ. އެހެން ދުވަސްދުވަހު އެ ކުލައެއް އޭނާއަކަށް ނުފެނެއެވެ.
“ރަނގަޅު! ޝާހިރު ފެނުނީމަ، ތި ހިނިތުންވުން ފެނުނީމަ، ހުރިހައި ކަމެއް ވެސް އޯކޭ ވެއްޖެ!” ލިބުނު އުފަލެއްގެ ބޮޑުކަމުން، ސަލީމާގެ ނުފެންނަ އެންމެ ދަތެއް ވެސް ނެތެވެ. “މި ދިޔަ ދެ ދުވަހު ޝާހިރު ނުފެނުނީމަ މަ ހީކުރީ މަ ދެކެ ރުޅިއައީކަމަށް!”
“ކީއްވެ ރުޅި އަންނަންވީ؟” ޝާހިރު ހިނިތުންވެލިއެވެ. “ނާދޭ ރުޅިއެއް!”
ޝާހިރު ވާހަކަ ދައްކާލެއް ގާތްކަމުން، ސަލީމާގެ ހިތް ބަންޑުންވާންފެށިއެވެ.
“އަޅެ! ހާދަ އުފާވެއްޖޭ!” ޝާހިރުގެ އަތުގައި ސަލީމާއަށް ހިފައިލެވުނެވެ. ބޭއިޚުތިޔާރުގައި ހަމަ ހިފުނީއެވެ.
“ވާހަކައެއް އަހައިލަންތަ؟” ސަލީމާއަށް ކަމެއް ފާހަގަ ނުކުރެވޭ ކަހަލަ ގޮތަކަށް، އޭނާގެ އަތުގެ ތެރެއިން ޝާހިރު އަތް ދަމައިގަތެވެ. ގައިގެ ތަނެއް ކަހައިލަން ކަމަށް ހަދާފައެވެ.
“އާނ!” އަވަސް އަވަހަށް ސަލީމާ ބުންޏެވެ.
“ދޮގު ނުހަދާ ބުނައްޗޭ!”
“އާނ!”
“މި ގޭގައި އުޅޭތަ ސަލީމާއާ އެއް އުމުރުގެ އެހެން އަންހެން ކުއްޖެއް؟”
ޝާހިރުގެ އެ ސުވާލާ އެކު ސަލީމާ ހުއްޓުންއެރިއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ޝާހިރު އެ ކުރީ ސަލީމާ ހީކުރި ކަހަލަ ސުވާލެއް ނޫނެވެ. އޭނާ ހީކުރީ ޝާހިރު އަހާނީ އޭނާއާ ގުޅުން ހުރި ވާހަކައެއް ކަމަށެވެ. މާއިޝާގެ ވާހަކަ އަހައިފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
“އާނ!” ސަލީމާ ބޯޖަހައިލިއެވެ.
“ހާދަ ގޮތަކަށް އާނއެކޭ ތި ބުނީ!”
“އާނ! ހަމަ އަސްލު ވެސް ގޮތަކަށް އާނއެކޭ މި ބުނެވުނީ.”
“އެއީ ކީއްވެ؟”
“އަހަންނަށް އެނގޭ ޝާހިރު މި ގޭދޮށަށް ތި އަންނަނީ ކީއްކުރަންކަން! ތި އަންނަނީ މާއިޝާ ހޯދާކަންނު!”
ސަލީމާގެ އަޑާއި ރާގުގައި ހުރީ ހިތާމައިގެ އަސަރެވެ. ޝާހިރަށް އިނދެވުނީ ސަލީމާގެ ހިތާމައިގެ ކުލަޖެހިފައިވާ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ކިހިނެއް ސަލީމާއަށް އެކަން އެނގުނީ؟’
“ކުރީ ދުވަހު އެ ހުރިހައި ވާހަކައެއް އޭނާ މަށަށް ކިޔައިދިން.”
“ހުރިހައި ވާހަކައޭ؟”
“އާނ! ޝާހިރާ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އެ ދުވަހާ ހަމައަށް ކަންހިނގިގޮތް އަކުރުން އަކުރަށް ކިޔައިދިން.”
“އެހެންތަ؟”
“އާނ! އެހެންމެ ފުރަތަމަ މި ގޭދޮށަށް އައި ދުވަހު ޝާހިރު ގެނައި ފިނިފެންމަލަކީ ވެސް އޭނާއަށް ދޭން ގެނައި މަލެއްނު! އެ ދުވަހު ވީ ގޮތް އެނގޭތަ؟”
“ކިހިނެއްވީ؟” ސަލީމާގެ ވާހަކަތަކަށް ޝާހިރު ވަރަށް ބޮޑަށް ޝައުޤުވެރިވެއްޖެއެވެ.
“އެ ދުވަހު ޝާހިރު އަންނަ ގަޑިއަށް އަހަންނަށް ދޮރޯށި ދޮށަށް ނިކުންނަން ޖެހުނީ އޭނާ ކިޔާވަރުން. ކިޔާވަރުން ކެތް ނުކުރެވިގެން އެންމެ ފަހުން އަހަރެން ނިކުތީ.”
“ކީއްކުރާށޯ ސަލީމާ ނެރުނީ؟” ޝާހިރުގެ ހިތުގައި ސުވާލު އުފެދުނެވެ.
“ދެން އެނގެއެއްނު ކީއްކުރަންކަން އެ ކަހަލަ ކަންކަން ކުރާނީ.”
“ދެން ބުނެބަލަ!” އެ ކަމުގެ އަސްލު ސަބަބު ދެނެގަންނާކަށް ޝާހިރަކަށް ނޭނގުނެވެ.
“އޭނަ މަގޭ ގާތުގައި ބުނީ ޝާހިރު ކިޔާ މީހަކު އިރުކޮޅަކުން އަންނާނެޔޯ އޭނަ ހޯދަން. އެއީ ތިމަންނައާ އަޅައިގަނެގެން އުޅޭ މޮޔަ މީހާގަނޑެކޯ! އައިމަ ލަދުގަންނުވާލައިފައި ފޮނުވައިލާށޯ! ދެން ދުވަހަކު ވެސް މި ގޭދޮށަށް އަންނަން ނުކެރޭވަރު ކޮށްލައްޗޭ ވެސް ބުނި!”
“ތިހެން ހަމަ ބުނިތަ އޭނަ؟” ޝާހިރަށް އެ ވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.
“މަށެއް ޝާހިރަކަށް ދޮގެއް ނުހަދާނެ ދޯ!”
“އެކަމަކު….. ކީއްވެ އެވަރުގެ ކަމެއް ކުރަންވީ؟” ޝާހިރުގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވިއެވެ.
“މާއިޝާ އެހެން ބުންޏަސް، ޝާހިރު ފެނުނީމަ މަށަކަށް ނުކެރުނު އެހެން ހަދާކަށް.”
“ކީއްވެބާ މާއިޝާ އެގޮތަށް އެކަން ކުރަން ބޭނުންވީ؟”
“މާއިޝާއަކީ މަގޭ ކޮއްކޮއެއް. އަހަރެން އޭނާ ދެކެ ވަރަށް ލޯބިވޭ! ކިތަންމެ ލޯބި ވިޔަސް، ހަގީގަތް ވާނީ ހަގީގަތަށް. ގޯސް ސިފައެއް ހުރިއްޔާ ވެސް ވާނީ ހަމަ ހުރިކަމަށް. މާއިޝާއަކީ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް ވަރަށް ދޮގުހަދާ ކުއްޖެއް. މީހުންނަށް އޮޅުވާލައި މަކަރު ހެދުން އޭނާއަށް ވާނީ މާ މަޖާ މޮޅުކަމަކަށް. އޭނާ އުޅޭނީ އަބަދު ވެސް ދެތިން ހަތަރު ފިރިހެން ކުދިންނާ ރައްޓެހިވެގެން. އެ ކުދިން ފާޑަކަށް މޮޔަކޮށްލާފައި ދެން ދޭނީ ލަނޑު. އެއީ އޭނާގެ އާންމު ކަމެއް. މަންމައާއި ބައްޕަ ވެސް އަހަރެން ވެސް އޭނާއަށް ހާދަ ނަސޭހަތެއް ދެމޭ.”
ސަލީމާގެ މޮޅު ފަށުއި ބަސްތައް އަޑުއަހަން ހުރި ޝާހިރަށް ހުރެވުނީ ބަސް ހުއްޓި ބުނާނޭ އެއްޗެއް ނޭނގިފައެވެ. ސަލީމާ އެ ދައްކަނީ ހަމަ ރަނގަޅު ވާހަކައެއް ބާވައެވެ؟ މާއިޝާއަކީ ހަމަ އެހައި ވިޔާނުދާ ކުއްޖެއް ބާވައެވެ؟
“ސަލީމާ ތި ބުނީ ހަމަ ތެދެއްތަ؟” އިރުކޮޅަކު ވިންނާން އިނދެފައި ޝާހިރަށް އަހައިލެވުނެވެ.
“އެއީ އަހަރެންގެ އިން ހަމައެނި ކޮއްކޮ. ކީއްކުރަން އޭނާއޭ ކިޔައިގެން އަހަރެން ދޮގުހަދަންވީ؟ ޝާހިރު ގާތުގައި ވީމަ މި ބުނަނީ. މިހާރު ވެސް އޭނާ އުޅެނީ ތިން ކުދިންނާ ރައްޓެހިވެގެން. ފިސާރި ކޮއްކޮއެއް މަށަށް ލިބިފައި އެ އިނީ.” ދޮގާއި މަކަރުން ފޯވެފައިވާ ބަސްތަކުން ޝާހިރުގެ ސިކުނޑީގައި ޝައްކުގެ ބިޔަ ރާޅުތައް އުފެއްދޭތޯ ސަލީމާ މަސައްކަތަކުރަމުން ގެންދެއެވެ.
“އެ ރޭ އަހަރެން ގުޅީމަ ވެސް، ފާޑަކަށް އެއްޗެއް ބުނެފައި ކަނޑާލީ. އޭގެ ފަހުން ގުޅާގުޅާ ފޯނެއް ނުނަގާ.” ސަލީމާގެ ވާހަކަތައް ޝާހިރަށް ގަބޫލުކުރެވެން ފެށީ ކަންނޭނގެއެވެ. ހަމަ ޔަގީނުން ވެސް އޭ ވާހަކަތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފިއެވެ.
“މަށަށް ވެސް އެނގޭ ޝާހިރު އޭނައަށް ގުޅާކަން. ގުޅާ ކޮންމެ ފަހަރަކު މަގޭ އަތަށް ފޯނު ދޭނީ. ދީފަ ބުނާނެ ނިކަން ދޮންތަ ފޯނު ނަގާފަ ބަވާލަބަލާށޭ. އެކަމަކު ޝާހިރާ ދިމާއަށް އެއްޗެހި ކިޔާނެ ހިތްވަރު މަ ހޯދާނީ ކޮންތާކުން؟”
ސަލީމާގެ ވާހަކަ މިސްރާބުޖަހާ ދިމާ ޝާހިރަކަށް ނޯޅެއެވެ. އެހެންނަމަވެސް އެ މިސްރާބަށް ސަލީމާ ގޮވައިގެން ދަތުރުކުރާކަށް ޝާހިރު ބޭނުމެއް ނުވެއެވެ. މާއިޝާ ކިތަންމެ ގޯހަސް، ކިތަންމެ މަކަރުވެރިޔަސް، ޝާހިރުގެ ހިތުގައި އެހެން މީހަކަށް ޓަކައި ހުސްކުރެވޭނެ ޖާގައެއް ނެތެވެ. މާއިޝާއާ ދިމާނުވެ، ޚަބަރެއް ނުވެ، މި ދިޔަ ދުވަސްތަކަކީ މާއިޝާގެ ޚިޔާލުތަކާއި ފިކުރުތައް އޭނާގެ ސިކުނޑީގައި ވަކީން ބޮޑުވެ، ލޯބި އިތުރުވި ދުވަސްތަކެކެވެ.
ސަލީމާގެ އެ ވާހަކަތކުގެ ސަބަބުން، ޝާހިރުގެ ޠަބީޢަތު މުޅިން ޚަރާބުވެއްޖެއެވެ. ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުން އޭނާ ބޭނުންވީ، ވީ އެންމެ އަވަހަކަށް އެ ތަނުން ދާށެވެ. އޭރު ވެސް އޭނާގެ ހިތް އޭނާގެ ވިސްނުމާ ދެކޮޅަށް ވާހަކަ ދައްކަމުން ގެންދެއެވެ. ނަސޭހަތްތެރިވެއެވެ. ސަލީމާގެ ބަހަށް ނުހެއްލޭށެވެ! އޭނާ އެ ހަދަނީ ހުސްދޮގެވެ. މާއިޝާއަކީ އޭނާ އެ ބުނާހައި ނުލަފާ ކުއްޖެއް ނޫނެވެ. ޝާހިރެކޭ އެއް ފަދައިން ނުވަތަ އެއަށްވުރެ ވެސް ބޮޑަށް މާއިޝާ އޭނާ ދެކެ ލޯބިވާނެއޭ އެ ހިތް ބުނެއެވެ.
ހިތުގެ އެ ބަސްތައް ގަބޫލުކުރާކަށް ޝާހިރަކަށް ފަސޭހައެއް ނުވިއެވެ. ސަލީމާ އެ ދައްކަނީ ރަނގަޅު ވާހަކައެއްކަމަށް އޭނާއަށް ގަބޫލުކުރަން ވަނީ މަޖުބޫރުވެފައެވެ. އެތައް ސަބަބެއް އެތައް ހެތްކެއް އެ ބަސްތަކަށް ބާރުދޭތީއެވެ. އެންމެފަހުން އޭނާ ނިންމީ ސަލީމާ ބުނި ފަދައިން މާއިޝާ އޭނާއަށް އޮޅުވައިލީ ކަމަށެވެ. ލަނޑެއް ދިނީ ކަމަށެވެ. ގެއާ ދިމާއަށް އޭނާ މިސްރާބު ހިފީ އެ ގޮތަށް ނިންމައިގެންނެވެ.
ގެއާ ދިމާއަށް ދުއްވަމުން ދިޔަ ޝާހިރަށް ދެވުނީ ވަކި ހިސާބަކަށެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ، އޭނާ އުއްމީދު ނުކުރާ މަންޒަރެކެވެ. މަގުގެ ކޮޅުން އެހެރަ އަންނަނީ މާއިޝާ ފިޔަވައި ދެވަނަ ދެ ކުއްޖެއް ނޫނެވެ. މާއިޝާގެ ސޫރަ ފެނުމާ އެކު، ބޭއިޚުތިޔާރުގައި ޝާހިރަށް ސައިކަލު މަޑުކޮށްލެވުނެވެ. މޭ ތެޅިގަތެވެ. ހިތް އަވަސްވިއެވެ. ހިތަށް ވެރިވީ އުފާވެރިކަން ކަމެއް ނުވަތަ ހިތާމައިގެ އަސަރުތަކެއްކަމެއް ޚުދު އޭނާއަށް ވެސް ދެނެގަންނާކަން ފަސޭހައެއް ނުވިއެވެ.
ޝާހިރު މަގުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. މާއިޝާ އަންނާނީ އެ މަގުންކަން ޔަގީންވާތީއެވެ. މިއަދު މާއިޝާއާ ވާހަކަ ދައްކަން އޭނާ ބޭނުންވެއެވެ. ވެގެން އުޅޭ ގޮތް ސާފުކުރަން ބޭނުންވެއެވެ. މާއިޝާގެ ފަރާތުން އެ ޖަވާބު ހޯދަން ބޭނުންވެއެވެ. އެހެންކަމުން މާއިޝާ އަރައި ހަމަވީމާ ވާހަކަ ފަށާނެގޮތަކާ މެދު ވިސްނާން އިންދާ، އޭނާއަށް ފާހަގަކުރެވުނީ މާއިޝާއާ އެކު އެހެން ފިރިހެން ކުއްޖަކު ވެސް އަންނަ ކަމެވެ. އެ ދެ ކުދިން އަންނަނީ ވަރަށް އޮލަ ވާހަކައެއްގައި ތިބެގެންނެވެ.
އެ ކުއްޖާ ފެނުމާ އެކު ޝާހިރުގެ ހަނދާނަށް އައީ ދާދި ދެންމެ ސަލީމާ ދެއްކި ވާހަކަތަކުގެ ބައެއް ޖުމުލަތަކެވެ.
“އެއީ އަހަރެންގެ އިން ހަމައެނި ކޮއްކޮ. ކީއްކުރަން އޭނާއޭ ކިޔައިގެން އަހަރެން ދޮގުހަދަންވީ؟ ޝާހިރު ގާތުގައި ވީމަ މި ބުނަނީ. މިހާރު ވެސް އޭނާ އުޅެނީ ތިން ކުދިންނާ ރައްޓެހިވެގެން. ފިސާރި ކޮއްކޮއެއް މަށަށް ލިބިފައި އެ އިނީ.”
“މީ އަނެއްކާ ސަލީމާ އެ ބުނާ ތިން ކުދިންގެ ތެރެއިން ކުއްޖެއްބާ؟” ޝާހިރުގެ ހިތުގައި ސުވާލު އުފެދުނެވެ. ހަމަ އެ ވަގުތު ޖަވާބު ވެސް އެ ލިބުނު ގޮތަކަށް ލިބިއްޖެއެވެ. އާއެކެވެ. އެއީ އެ ތިން ކުދިންގެ ތެރެއިން ކުއްޖެކެވެ.
ޝާހިރުގެ ނޭވާ ކުރުވާން ފެށިއެވެ. ހިތަށް ދަތުވާން ފެށިއެވެ. ދާހިތްލާން ފެށިއެވެ. އޭނާގެ ޝާހިރުގެ ކަޅި ހުއްޓިފައި ހުރީ، ކުރިމަތިން އަންނަ ދެ “ލޯބިވެރީން”ނާ ދިމާއަށެވެ. ވަކި ހިސާބަކުން ފިރިހެން ކުއްޖާ މާއިޝާއަށް “ބައި” ކިޔާފައި ކަނާތްފަރާތުން ޖެހުނު މަގަށް އަޅައިފިއެވެ. މާއިޝާ ވެސް ހިނިއައިސްފައި ހުރެ އެ ކުއްޖާއަށް “ބައި” ކިޔާލިއެވެ. އެހައިތަނުން މާއިޝާ އެކަނި ވެއްޖެއެވެ. ޝާހިރަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ސައިކަލު މަތީގައި ހަމަޖެހިލިއެވެ. މާއިޝާ އަރައި ހަމަވުމުން ކޮންމެވެސް އެއްޗެއް ބުނާން އޭނާ ތައްޔާރުވަނީ ކަންނޭނގެއެވެ.
މިހާރު މާއިޝާ އެހެރީ ޝާހިރާ ވިއްސަކަށް ފޫޓަށް ކައިރިވެވިފައެވެ. ޝާހިރުގެ ތޫނު ނަޒަރު ހުރީ މާއިޝާގެ މޫނުގައި ވިދިފައެވެ. މިއަދު އޭނާއަށް މާއިޝާ އަދި ވަކިން ރީއްޗެވެ. ލާފައި ހުރި ހެދުމާއި އެ ހަށިގަނޑާ ވަރަށް ގުޅެއެވެ. ލުއިލުއި މޭކަޕެއްގައި ފެންނަލެއް ވަރަށް ފުރިހަމައެވެ. ހުރިހައި ތައުރީފެއް ހެއްދެވިފަރާތަށެވެ.
ކުއްލިއަކަށް މާއިޝާގެ ފިޔަވަޅަށް މަޑުޖެހުމެއް އަތުވެއްޖެއެވެ. މޭ ތެޅިގެންފިއެވެ. މަގުގެ އެއް ފަރާތުގައި، ސައިކަލު މަތީގައި އިން ޝާހިރު ފެނިފައެވެ. އެ ވަގުތު އަތުގައި އޮތް ފޯނު ދޫވެގެން ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. އޭރު ޝާހިރު ވެސް އިނީ އޭނާއާ ދިމާއަށް ކަޅިޖަހައިނުލައި ބަލަންކަން އެނގުމުން ހިނިތުންވެލަން މާއިޝާ އުޅުނެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އޭނާގެ ސިކުނޑި އޭނާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
“ޚަބަރުދާރު! އޭނާއާ ދިމާއަށް ބަލައިލައިގެން ވެސް ނުވާނެ! ތި ދާ މަގުން ކުރިއަށް ދޭ! މީގެ ދެތިން ދުވަސް ކުރިން ބައްޕަ ދިން ނަސޭހަތްތައް ހަނދާން ނައްތާލައިގެން ނުވާނެ! ބައްޕަ ނުރުހޭ ގޮތަކަށް އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ!”
މާއިޝާގެ ފިޔަވަޅަށް އިތުރު ހަލުއިކަމެއް ގެނައެވެ. ޝާހިރާ ދިމާއަށް ބަލައިލާން ވެސް އޭނާއަށް ނުކެރުނެވެ. ހިތް ނޭދޭތީއެއް ނޫނެވެ. ބައްޕަގެ ނަސޭހަތަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ. އޭނާ ޝާހިރާ ވަރަށް ގާތުން ހަލުއި ފިޔަވަޅުތަކެއްގައި ކުރިއަށް އަރައިން ދާން ފަށައިފިއެވެ. މާއިޝާގެ އެ ހަރަކާތްތަކަށް ކަޅި ހުއްޓިފައި އިން ޝާހިރަށް އެ މަންޒަރު ދެކޭން އިންނާކަށް ފަސޭހައެއް ނުވިއެވެ. ވަގުތުން މަގުގެ އެއް ފަރާތުގައި ސައިކަލު ބަހައްޓާފައި، ސައިކަލުން ފައިބައި، މާއިޝާގެ ފަހަތުން ހިނގައިގަތެވެ. އޭނާ ބޭނުންވަނީ ވެގެން އުޅޭ ގޮތެއް މާއިޝާގެ ގާތުން އޮޅުންފިލުވައި، މިކަން ކޮންމެވެސް އެއް ގޮތަކަށް ނިންމައިލާށެވެ.
“މާއި!” މާއިޝާގެ ފަހަތުން ޝާހިރު ގޮސް އޭނާއާ އަރައި ހަމަކުރިއެވެ.
ޝާހިރުގެ އަޑު މާއިޝާގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެހެންނަމަވެސް އިވޭކަމަކަށް އޭނާ ނުހެދިއެވެ. ބަލައިވެސް ނުލިއެވެ. ފިޔަވަޅުތަކަށް މަޑުޖެހުމެއް ވެސް ނުގެނައެވެ.
“މާއި! އެންމެ ފަހަރަކު ނަމަވެސް އަހަންނާ ދިމާއަށް ބަލައިލަފާނަންތަ؟ އަހަންނާ ވާހަކަ ދައްކަފާނަންތަ؟”
ޝާހިރުގެ އަޑުގައި ހުރި އާދޭހުގެ އަސަރުން މާއިޝާގެ ހިތް ކަތިލެވުނު ކަހަލައެވެ.
“މާއި ކީއްވެތަ ތިހައި ބޯ ހަރީ؟ ކީއްވެތަ ތި ވަރުގެ ޗޭންޖެއް ތި އައީ؟” މި ފަހަރު ޝާހިރު ވާހަކަދެއްކީ މާއިޝާއާ ވަރަށް ގާތަށް ޖެހިލަމުންނެވެ.
“އަހަންނަށް އެބަ ވަރަށް އުނދަގޫވޭ!” ވަރަށް ހިތްވަރުކޮށްފައި، ހިތުގެ މައްޗަށް ކަނޑި ދަމައިގަންނަމުން މާއިޝާ ބުނެލިއެވެ.
“މާނައަކީ؟” ޝާހިރު އަވަސް އަވަހަށް އަހައިލިއެވެ. އެހެންނަމަވެސް އެ ސުވާލަކަށް މާއިޝާގެ ކިބަޔަކުން ޖަވާބެއް ނުލިބުނެވެ. އިތުރަށް އެންމެ ބަހެއް ވެސް ބުނެލާނެ ހިތްވަރު ނުލިބުނީ ކަންނޭނގެއެވެ.
“ތީގެ މާނައަކީ ނާންނާށޭތަ؟ މާއި ގާތުން ދުރަށް ދާށޭތަ؟”
“އާނ!” ޝާހިރާ ދިމާއަށް ބަލައި ވެސް ނުލައި މާއިޝާ ބޯޖަހައިލިއެވެ.
ޝާހިރަށް ހީވީ އޭނާގެ ކަންކަށިމަތީގައި މާއިޝާ އަތްދަމާފައި އެތިފަހަރެއް އެޅިހެންނެވެ. ބޮލަށް އެނބުރުން އަރައިގަންނަ ގޮތްވިއެވެ. އެއާ އެކު އޭނާގެ ދެ ފަތް އެ ހުރި ފިޔަވަޅުމަތީގައި ތަތްވިއެވެ. މީހާ ގަނޑުވިއެވެ. އޭރުވެސް ނަޒަރު ހުއްޓިފައި ހުރީ ހަލުއި ހިނގުމެއްގައި ކުރިއަށް ދިޔަ މާއިޝާއާ ދިމާއަށެވެ. މާއިޝާ އެއް ފަހަރު ވެސް އެނބުރި ބަލައި ނުލައެވެ. އެ ދިޔަ ގޮތަށް ގޮސް ޖެހިގެން އޮތް މަގަށް އަޅައިފިއެވެ. ޝާހިރުގެ ނަޒަރުން މާއިޝާ ގެއްލިއްޖެއެވެ. އޭރު ޝާހިރުގެ ހިތް ބުނަމުން ގެންދެއެވެ. ސަލީމާ ދެއްކީ ރަނގަޅު ވާހަކައެކެވެ. އެއީ ހަމަ ފައްކާ ހަވަރު ތުންފުއްސެކެވެ. މި ކަހަލަ ޚިޔާލެއްގައި ހުރިއިރު، ޝާހިރުގެ ދެ ލޯ ވަނީ ކަރުނައިން ތެމެމުން ދެއެވެ.
ޝާހިރަށް ނޭނގުނަސް މާއިޝާގެ ހާލަކީ ވެސް ހަމައެއެވެ. އޭނާއަށް ހިތްވަރުކޮށްފައި ގޮސް އެ މަގަށް އެޅޭވަރުވީ ހަމަ ކިރިޔާއެވެ. ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ހިތަށް ކުރި އަސަރާއި މެޔަށް ވީ ތަދުގެ ބޮޑުކަމުން ކެތްނުވީއެވެ. އެއީ އޭނާ ޝާހިރާ ދޭތެރޭ ކަންތައް ކުރާން ބޭނުންވާ ގޮތެއް ނޫނެވެ. އެހެނަސް މަޖުބޫރެވެ. އެހެންގޮތެއް ނެތެވެ. އޭނާ އަވަސް އަވަހަށް ދެ ލޯ ފޮހެލިއެވެ.
“ތީ ހާދަ އެހެން ކަހަލަ ކުއްޖެކޭ!” ޢާލިމު އިނީ ޝާހިރުގެ ކުލަ އޮއްސިފައިވާ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ކުއްޖަކު ހުންނަ ގޮތަކުން ހަގީގަތެއް ނޭނގޭނެ. ޢާލިމު ވެސް އޭނާ ފެނިއްޖެއްޔާ ނުބުނާނެ އެ ކަހަލަ ވިޔާނުދާ ސިފަތަކެއް އޭނާގެ ކިބައިގައި ހުންނާނެއޭ ވެސް. އެހައި ވެސް މައުޞޫމުކޮށް ފެންނާނީ. އެކަމަކު…..” ޝާހިރަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“އެއްޗަކަށް އޯޑަރު ދީފަ ވާހަކަ ދައްކަން ތިބެމާ!”
“ދީބަލަ ރަނގަޅު ޚިޔާލެއް؟ މަ މި އުޅެނީ ކުރިއަށް ހިނގައިގަންނާނެ ދިމާއެއް ހަމަ ނޭނގިގެން.” ކޮފީއަކަށް އޯޑަރު ދިނުމަށްފަހު އާލިމުގެ ކިބައިން ލަފައަކަށް ޝާހިރު އެދުނެވެ.
“ކީކޭ ދެން ތި ކަމާ ބުނާނީ؟” އާލިމް ވިސްނައިލިއެވެ. “އުނހު! އެބަ އޮތް ރަނގަޅު ގޮތެއް!” އަވަސްއަވަހަށް އާލިމް ބުންޏެވެ.
ޚިޔާލުތަކާއި ފިކުރުތަކާ ދުރުވާން މާއިޝާ ވަރަށް ބޮޑަށް ބޭނުންވެއެވެ. ކިޔެވުމަށް ހުރަސް އެޅިދާނެތީއެވެ. އިމްތިހާނަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ. ރަނގަޅު ނަތީޖާއަކާ އެކު އިސްކޫލު ނިންމާލުމަކީ އޭނާ މިއަދު އެންމެ ބޭނުންވާ ކަންތަކެވެ. މަންމަގެ ފުރާނައަށް ވެސް އޭގެ ސަބަބުން ލުޔެއް ލިބޭނޭކަމަށް އޭނާއަށް ގަބޫކުރެވެއެވެ. އެއީ މަންމަ އެންމެ ދެކެން ބޭނުންވި އެއް ދުވަހެވެ.
މާއިޝާ ކިތަންމެ ނޭދުނަސް، ވިސްނައި ފިކުރުކުރާންޖެހޭ ފަދަ އެތައް ކަމަކާ އޭނާއަށް ވަނީ ކުރިމަތިލާން ޖެހިފައެވެ. އެއް ކަމަކަށް ވުރެ އަނެއްކަމެއް ބޮޑެވެ. ދޮންމަންމަގެ ނަފުރަތެވެ. ސަލީމާގެ ޖެއްސުންކުރުމެވެ. ޝާދިޔާ ދައްތަގެ ހަނދާންތަކެވެ. ޝާހިރުގެ…….. ޝާހިރާ ގުޅުވައިގެން ދުލުކުރިއަށް ގެންނާނެ ލަފުޒެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. އެނގޭ ކަމަކީ ޝާހިރުގެ ހަނދާންތަކުން އޭނާގެ ހިތަށް ތަދުވާކަމެވެ.
މާއިޝާގެ ޚިޔާލުތައް ޝާހިރާ ގުޅިފައިވާ އިރު، ޝާހިރުގެ ފިކުރުގެ ހުރިހައި ކައްޓެއް ހުއްޓިފައި ހުރީ މާއިޝާއާ ދިމާއަށެވެ. އޭނާގެ ސިކުނޑީގައި ވަނީ މާއިޝާގެ ސޫރައެވެ. މާއިޝާގެ ހަނދާންތަކެވެ. ވިސްނެނީ އާލިމް ދިން ލަފައާ މެދުގައެވެ. އެ ގޮތަށް ކަންތައް ކުރުން ރަނގަޅުވާނެ ބާވައެވެ؟ އޭގެ ނަތީޖާ ނިކުންނާނީ ކިހިނެއް ބާވައެވެ؟ ހިތާ ދެކޮޅަށް އަޅާ ފިޔަވަޅެއް، ސީދަލަށް އެޅޭ ފިޔަވަޅަކަށް ވެދާނެ ބާވައެވެ؟
މި ކަހަލަ ފިކުރުތަކެއްގައި އޮވެފައި ޝާހިރު ފޯނުނެގިއެވެ. ފަރިތަކަމާ އެކު މާއިޝާގެ ނަންބަރަށް ގުޅައިލިއެވެ. ރިންގުވެއެވެ. ޝާހިރު އިނީ ނަގާނޭކަމުގެ އުއްމީދުގައެވެ. ނުނެގިއެވެ. ތިން ފަހަރު ގުޅިއެވެ. އެންމެފަހުން ފޯނު ބޭއްވީއެވެ. ފޮނުވި އެންމެ މެސެޖަކަށް ވެސް ޖަވާބެއް ނުލިބުނެވެ. އަޅައި ވެސް ނުލިއެވެ. އެހައިތަނުން ޝާހިރު ނިންމީ ވިސްނުން ބަދަލުކުރާށެވެ. ސަލީމާ އެ ބުނީ ހަމަ ރަނގަޅަށެވެ.
ފެންވަރާ ނިމިގެން ވަރަށް އަވަސްއަވަހަށް ޖަމީލާ ތައްޔާރުވަމުން ދިޔައެވެ. ހީވަނީ ތަނަކަށް ދާން ގަޑިޖެހޭތީ އުޅޭހެންނެވެ. އެ ކަމެއްގައި އޭނާ އުޅެނިކޮށް، ކޮޓަރިއަށް އައިސް ވަނީ ސަލީމާއެވެ. އޭރު ޖަމީލާ ހުރީ ތުންފަތުގައި ކުލަ ހާކާށެވެ.
“ކޮންތާކަށް ދާން ތި އުޅެނީ؟” ޖަމީލާ ބޭރަށްދާން އުޅޭކަން އެނގުމުން ސަލީމާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހީވަނީ އޭނާ އެކަމަށް ވަރަށް ބޭނުންވެފައި ހުރި ދުބަހެއް ހެންނެވެ.
“އަނެއްކާ ވެސް ހެދުމެއް ފަހަން ފޮތިކޮޅެއް ގަނެލަން ދާންކަމަށް.” ލޯގަނޑުން ކަޅި ނައްޓާނުލައި ހުރެ، ޖަމީލާ ޖަވާބުދިނެވެ.
“މަށަކަށް ނުދެވޭނެ އިނގޭ! އަދި މިހުރީ ފެންވެސް ނުވަރާ” ޖަމީލާއާ އެކު ދާން ބުނެފާނެތީ، ސަލީމާ އަވަހަށް އެ ކަމަށް އުޒުރު ދެއްކިއެވެ.
“އަމުދަކުން ކަލޭ ގޮވައިގެން ދާކަށް މަށެއް ނޫޅެން. ޣަފޫރު އަންނާނެ އަހަރެން ބަލާ.”
“ހޫނ! ދެ ކުދިން ބުރުޖަހާލަން ދަނީ ދޯ!” ސަލީމާ ހިނގަނޑެއް ޖަހައިލިއެވެ. “ނިކަން ޣަފޫރުބޭ ގާތު ބުނެގެން މަށަށް ފޯނެއް ގަނެދީބަލަ!” ސަލީމާ އައިސް ޖަމީލާ އަޅާފައި ހުރި ޝޯލް ރީތިކޮށްލަދިނެވެ.
“އަނގަ ނުތަޅާ ދޭ ފެންވަރަން. ގައިން ނުބައި ވަސް އެބަ ދުވާ.”
“އަވަހެއްނު ވާހަކަ ބަދަލުކޮށްލިލެއް.”
ޖަމީލާގެ ފޯނަށް ޣަފޫރު ގުޅީ އެ ވަގުތުއެވެ. އެހެންކަމުން ސަލީމާއަށް ރައްދު ދިނުމެއް ނެތި، ޖަމީލާ އަވަސް އަވަހަށް ފޯނު ނެގިއެވެ.
“މި ނިކުންނަނީ.”
“އެހަށް މަޑުކުރޭ! މާއިޝާ ޓިއުޝަނަށް ލާފައި އައިސް ދެވޭނީ.” ޣަފޫރު ފޯނު ކަނޑައިލިއެވެ. މާއިޝާގެ އިމްތިހާނު ފެށިގެން އުޅޭތީ، ޣަފޫރު މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ މާއިޝާގެ ކިޔެވުމަށެވެ.
ޣަފޫރުގެ މި ޖަވާބާ އެކު ޖަމީލާއަށް ދަތްކުނޑި ވިކައިގަނެވުނެވެ. ބުނަން ހުރި އެއްޗެހި ގިނަކަމުން ހަމަ އެކައްޗެއް ވެސް އޭނާ ނުބުނެއެވެ.
ޖަމީލާގެ ކޮޓަރިން ސަލީމާ ނުކުތް އިރު، މާއިޝާ ވެސް ރީތިވެލައިގެން ޓިޔުޝަނަށް ދާން ކޮޓަރިން ނިކުންނަނީއެވެ. މާއިޝާގެ ރީތި މޫނާއި ލޫޅާފަތި ހަށިގަނޑު ފެނިފައި، ސަލީމާގެ ހިތުގައި ރޯވެފައި އޮންނަ އަލިފާންގަނޑު އަދައިގަތެވެ. އޭނާއަށް ހުރެވުނީ ކަޅިޖަހާނުލައި، މާއިޝާއާ ދިމާއަށް ބަލާށެވެ. އެ ނަޒަރުން އަލިފާން އާވި ފިޔަވައި، އެހެން އެއްޗެއް ނުފެނެއެވެ. މާއިޝާ އެ ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ފޮތްކޮޅު ހިފައިގެން، ހަލުއި ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތެވެ.
އެ ހުރި ފިޔަވަޅުމަތިން ސަލީމާގެ ފިޔަވަޅަށް ގުޑުމެއް އެރީ މާއިޝާ ގެއިން ނުކުތުމުންނެވެ. އޭނާގެ ފިޔަވަޅުތައް އެތުރޭންފެށީ، މާއިޝާގެ ކޮޓަރިއާ ދިމާއަށެވެ. އެ ދިޔަ ގޮތަށް ގޮސް އެ ކޮޓަރިއަށް ވަދެ، ކޮޓަރީ ފަންކާ ޖަހައިލިއެވެ. އޭސީ ޖައްސައި 16 އަށް ލިއެވެ. ފާޚާނާއާއި ކޮޓަރީގެ ހުރިހައި ބޮތްކެއް ދިއްލައިލިއެވެ. އެއަށްފަހު މަޑުމަޑުން ދޮރުލައްޕާފައި ގޮސް، ޖަމީލާއަށް ގޮވައި ނެރެ، އެ މަންޒަރު ދެއްކިއެވެ. މާއިޝާ ނިކުމެގެން ދިޔައިރު، ކޮޓަރި ހުރި ގޮތް ބަލައިލަބަލާށޭ ކިޔާފައެވެ.
ޖަމީލާއަށް އެ މަންޒަރު ވީ ރަނާއި ޖަވާހިރަށް ވުރެ ވެސް އަގުހުރި މަންޒަރަކަށެވެ. ވަގުތުން ކަންކުރާނެ ގޮތް ހިތުތެރޭގައި ރާވާލިއެވެ. އޭނާ ފުރަތަމަ ވެސް ސަލީމާއަށް އެންގީ ކޮޓަރިއަށް ދިޔުމަށެވެ. އެއަށްފަހު އޭނާ އިންތިޒާރުކުރަން ފެށީ، ޣަފޫރު ގުޅާނޭ ވަގުތަކަށެވެ.
ޣަފޫރުގެ ފޯނުކޯލު އައީ އެ ކޯލުގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި ޖަމީލާ އިންދައެވެ.
“ނިކަން އަވަހަށް ގެއަށް ވަދެބަލަ!” ފޯނު ނެގިގޮތަށް ޖަމީލާ އެދުނެވެ.
“ކިހިނެއްވީ؟ ހާދަ އަވަސްއަރައިގެންފަ.”
“އައިސްބަލަ! އެއްޗެއް ދައްކާލަންވެގެންނޭ.”
ޣަފޫރު އައުމުން ޖަމީލާ އިޝާރާތްކޮށްލީ، މާއިޝާގެ ކޮޓަރިއާ ދިމާއަށެވެ. “ނިކަން ގޮސް ބަލައިލަބަލަ ކޮޓަރިތެރެ!”
“ކޯޗެއް؟” ކޮޓަރިއާ ދިމާއަށް ޣަފޫރު ހިނގައިގަތެވެ. އޭރު ޣަފޫރުގެ މޫނުމަތިން ފެންނާން ހުރީ ވަރުބަލިކަމެވެ. އިތުރަށް ފެންނާން ހުރީ ނުރުހުމެވެ. ނުތަންވަޅު ވަގުތެއްގައި ގެނެސް، އެ ގޮތަށް ވަގުތު ބޭކާކުރަން ފެށުމުންނެވެ.
ޣަފޫރުގެ ކޮންމެ ފިޔަވަޅަކާ އެކު، ޖަމީލާގެ މޫނުމައްޗަށް ވެރިވަމުން އައީ އުފާވެރިކަމެވެ. ކާމިޔާބުގެ ހިނިތުންވުމުން، އޭނާގެ ދެ ތުންފަތްފަތުގައި ވަނީ ކުލަޖެހިފައެވެ. އޭނާގެ ހިތް ބުނަމުން ގެންދެއެވެ. މާއިޝާ ދެކެ މިއަދު ޣަފޫރު ރުޅި އަންނާނެއެވެ. ކަރަންޓް ބިލް ބޮޑުވާތީ އެކަމާ ނުރުހިފައި ހުރި ދުވަސްވަރެއްގައި، މި ފެނުނީ ހާދަހައި ރަނގަޅު މަންޒަރެކެވެ. އެއީ ސަލީމާ ޖަހައިގެން އުޅޭ ރޮކެޓެއްކަމެއް ޖަމީލާއަކަށް ނޭނގެއެވެ.
“ސާބަސް ޖަމީލާއަށް.” އުފާވެރި ޚިޔާލުތަކެއްގެ ތެރޭގައި ހުރި ޖަމީލާ ސިހުނީ، ޣަފޫރުގެ ނުރުހުމުގެ އަޑަށެވެ. އޭރު ޣަފޫރު ހުރީ ޖަމީލާގެ ކުރިމަތީގައެވެ. “މާއިޝާ ތަންތަން ނުނިވާ ދިޔައިމަ، އެ މަންޒަރު ދައްކަންތަ އަހަރެން ތި ވެއްދީ؟”
“ކަރަންޓް ބިލް ބޮޑުވާ ސަބަބު ޣަފޫރަށް އެނގޭނީ ފެނުނީމައެއްނު!” ޖަމީލާ ވަގުތުން ޖަވާބުދިނެވެ.
“ކުރަން ތި އުޅޭ ކަންތައް މަށަށް ވިސްނެއޭ. ތި އުޅެނީ މަށަށް އެ މަންޒަރު ދައްކައިގެން، އެ މަންޖެ ކުށްވެރިކޮށް އޭނާއާ ދިމާއަށް މަ ލައްވާ އެއްޗެހި ކިޔުއްވާކަށްނު!” ޣަފޫރު ހުރީ ރުޅި ގަދަވެފައެވެ.
“ކޮންމެހެން…… އެހެނެއް ނޫން!”
“ހަމަ އެ ބޭނުމުގައި ކުރި ކަމެއް އެއީ. އިމްތިހާނު ފެށިގެން ހޭބޯނާރާ އުޅޭ ދުވަސްވަރެއްގައި، އެ ކަހަލަ ކަމެއް ވެދާނެ! އަހަރެން ޖަމީލާއާ އިނދެގެން މި ގެއަށް ގެނެސްފައި ތިހިރީ، ގޭތެރޭގެ ކަންކަން ބަލަހައްޓާނެ މީހަކަށް ބޭނުންވާތީ. ތި ކަހަލަ ކަންކަން ކުރާނެ މީހަކު ނެތިގެނެއް ނޫން! ޖަމީލާއަށް މިއަދު ތި ކުޅެވުނީ ވަރަށް ނުބައި ރޯލެއް.”
“ގޯސްކޮށް ނުވިސްނާ ޣަފޫރު!” ޣަފޫރު ރުޅއައިސްފައި ހުރިވަރުން ޖަމީލާ ވަރަށް ކަންބޮޑުވެއްޖެއެވެ.
“ޖަމީލާ ތީ ރަނގަޅު މީހެއް ނަމަ، އެ ތަންތަން ނިވާފައި، މާއިޝާއަށް ނަސޭހަތް ދީގެން އެ ކަހަލަ ކަންކަން އިސްލާޙުކުރަން މަސައްކަތްކުރާނީ. ނުބައިބައި ކުޅޭކަށް ނޫން އުޅޭނީކީ. ތި ކުރި ކަމަކުން ޖަމީލާ ދެކެ ވަރަށް ފޫހިވެއްޖެ!” އައި ރުޅީގައި ޣަފޫރު ގެއިން ނިކުމެގެން ހިނގައްޖެއެވެ. ޖަމީލާ ފިހާރައަށް ވެސް ނުގެންދިޔައެވެ.
ކަން ދިމާވި ގޮތުން ޖަމީލާ ވަރަށް ބޮޑަށް ކަންބޮޑުވެއްޖެއެވެ. އެ ކަން ކުރެވުނު މޮޔަ ހީވެއްޖެއެވެ. ކަން ނިމިގެން މި ދިޔައީ އޭނާ ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. ކުށްކުރީ މާއިޝާއެވެ. ކުށްވެރި މި ވީ އޭނާއެވެ. މިހެން މި ކަން ވެގެން ނުވާނެއެވެ. ޖަމީލާގެ ނާރުތަކުގައި ހިނގަހިނގާ ހުރި ލޭ، ވަގުތުން ހޫނު ވެއްޖެއެވެ. ސިކުނޑިއަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ މައްޗަށް، ރުޅިވެރިކަމުގެ ދިލައިގެ އަސަރު ގަދަވެއްޖެއެވެ.
“ދެން ނެތް މި ކަން ލަސްކުރެވޭކަށް މޫސަބޭ!” އެ ހޫނުކަންމަތީގައި ޖަމީލާ ގުޅީ މޫސަބެއަށެވެ.
“ކިހިނެއްވީ އަނެއްކާ؟ ހާދަ ހާސްވެފައި ތި ހުރީ.” ޖަމީލާގެ ހާލަތު މޫސަބޭ ވަރަށް ފަސޭހައިން ދެނެގެންފިއެވެ.
“އަހަރެން ރުޅި މަޑެއްނު!” ކަން ވީ ގޮތް އަކުރުން އަކުރަށް މޫސަބެއަށް ޖަމީލާ ކިޔައިދިނެވެ.
ޖަމީލާގެ ވާހަކަތައް އަޑުއަހަން ހުރެފައި، މޫސަބޭ ޖަހައިލީ ވަރުގަދަ ހިނިގަނޑެކެވެ. “އެހެން މީހެއްގެ ކަރަށް މަހާލަން އުޅުނު މަޅިއެއް، އަމިއްލަ ކަރަށް މަހާލައިފައި، ބާރު ވެސް ކޮށްލެވުނީ ދޯ!”
“މޮޅު ވާހަކަ ނުދައްކާ ދެން މިކަން ނިންމާލަދީ! މަށަކަށް ދެން ނުވާނެ ކެތެއް! އޭނާގެ ދަރި ކުރާ ކުށުގެ އަދަބު މަށަށް ދީފައި އެ ދެ މީހުންނަށް ހަމަޖެހިގެން އުޅެވިގެން ނުވާނެ!”
“އާނ! އެއްގޮތަކަށް ވެސް އުޅެވިގެންނުވާނެ!”
“މި ރޭ ދެން މަސައްކަތް ފަށަންވީނު!”
“ކުރީ ދުވަހު ވެސް މަ ބުނިން ދޯ މަށަށް އަދި ދުވަސްކޮޅެއް ދޭށޭ!”
“އެކަމަކު މިހާރު އެ މަންޖެއަށް އަށާރަ ވެސް ފުރިއްޖެއެއްނު!”
“އަށާރަ ފުރުނަސް އަދި ނެތޭ ތި ކައިވެނި ކުރެވޭކަށް. ކައިވެނި ނުކޮށް މަސައްކަތެއް ނުފެށޭނެ!”
“މޫސަބޭ ތި އުޅެނީ މަށަށް މިކަން ކޮށްނުދޭންތަ އަނެއްކާ؟” ޖަމީލާގެ ހިތުގެ ނުތަނަވަސްކަން އިތުރުވާންފެށިއެވެ.
“ވަގުތު ޖެހުނީމަ ކޮންމެކަމެއް ވެސް ވާނެ!”
“އެކަމަކު ކައިވެނި ލަސްކުރަންޖެހޭ ސަބަބަކީ ކޮބައިތަ؟”
“ފޯނަކުން ހުރިހައި ވާހަކައެއް ނުދެއްކޭނެ. ވަގުތެއް ލިބުނީމަ މި ގޭ ދޮށަށް ޖައްސާލަބަލަ!”
ދިގު އިންތިޒާރެއް ކުރާކަށް ސަލީމާއަކަށް ޝާހިރު ނުޖެއްސިއެވެ. ހަވީރު ފަހެއް ޖެހިއިރު، އެ ގޭ ދޮށަށް އޭނާ އަތުވެއްޖެއެވެ. އޭރު ސަލީމާ ހުރީ ދޮރޯށި ދޮށުގައި އޭނާގެ އިންތިޒާރުގައި ވަގުތުތައް ގުނާށެވެ. ޝާހިރު މިއަދު އެ އައީ، އަމިއްލައަށް ގުޅާފައި ސަލީމާ ގާތުގައި އެބަ ދަމޭ ބުނެފައެވެ. ކަން ދިމާކުރި ގޮތުން އެ ދުވަސް ވީ، ނަސީބު އޭނާއާ ބައިވެރިވި ދުވަހަކަށެވެ.
“ހިނގާ އެތެރެއަށް. ސިޓިންރޫމުގައި ތިބޭނީ. ގޭގައި ނެތް އެކަކު ވެސް ނަސީބަކުން.” ޝާހިރުގެ އަތުގައި ހިފައިގެން ސަލީމާ ހިނގައިގަތެވެ. ޝާހިރުގެ ހަރަކާތްތަކުން ވެސް ފެނުނީ، ގަޔާވުމެވެ.
އެ ހަވީރަކީ ސަލީމާގެ ހަޔާތަށް އައި މާމުޔަށް ވުރެ ވެސް ފޮނި ހަވީރެކެވެ. ޝާހިރުގެ ފަރާތުން އޭނާއަށް ލިބުނީ ގަބޫކުކުރަން ވެސް ދަތި އުފަލެކެވެ. ވާހަކަ ދެއްކީ ނުހަނު ގާތްކޮށެވެ. އިނީ ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ. އަތުގައި ހިފައިލުމުން ފޮޅުވައިލާކަށް ވެސް ނޫޅެއެވެ. މިއީ ހޭލާ އިންދާ ފެންނަ ހުވަފެނެއް ބާވައޭ ވެސް އެތައް ފަހަރަކު ސަލީމާގެ ހިތަށް އެރިއެވެ. ތިން ހަތަރު ފަހަރު އަލިއްލަ އަތުގައި ވިކައި ވެސް ލެވުނެވެ.
ޝާހިރު އެ ގެއިން ދިޔައީ އިރު އޮއްސުނުފަހުންވެ. ސަލީމާ ބޭނުންވެގެނެއް ނޫނެވެ. ބޭނުންވީ މި ރޭ ހަތަރު ދަމު ވެސް އެ ގޭގައި، އޭނާގެ ގާތުގައި ޝާހިރު ބައިންދާށެވެ. އެހެންނަމަވެސް އެހެން ހެދޭކަށް ނެތެވެ. މަންމަ ފެނިއްޖެއްޔާ ހިތްހަމަނުޖެހިދާނެއެވެ.
ޝާހިރުގެ ކިބައިން ލިބުނު ލޯތްބާއި އޯގާވެރިކަމުން ހިތް ފުރާލައިގެން ސަލީމާ ހުއްޓާ، އަށެއް ވެސް ޖެހިފަހުން ޖަމީލާ ގެއަށް އަތުވެއްޖެއެވެ. އޭރު އޭނާގެ މޫނުމަތި ހުރީ މިލައި މޯޅިވެފައެވެ. ހިތުގެ ތެރޭގައި އެތައް އުދާހެއް ފުނިޖެހިފައި ހުރިކަން އެނގެއެވެ.
“ކިހިނެއްވެފައި ތިހިރީ؟” ޖަމީލާ ހުރި ގޮތް ފެނިފައި ސަލީމާއަށް އަހައިލެވުނެވެ.
“މޮޔަވާން ކައިރިވެއްޖެ!” ޖަމީލާ އައިގޮތަށް އައިސް ސޯފާއަށް ވެއްޓިގަތެވެ.
“މަންމަ ތީ އެހައި ފަސޭހައިން މޮޔަވާ ކަހަލަ މީހެއްތަ؟” ސަލީމާއަށް ބާރަށް ހީނގަނެވުނެވެ.
“ކަލޭ އަދިވެސް މަށަށް މަލާމާތްތަ ތި ކުރަނީ؟” ޖަމީލާގެ ލޭ ކެކިގަތެވެ.
“ކިހިނެއްތަ ވީ؟ ވީ ގޮތެއް ބުނެބަލަ! މި އޮތް އުފާވެރި ރޭ މަންމަ ތިހެން އިނީމަ…..!” ސަލީމާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ.
“އުފާވެރި ރެއެކޭ؟” ދެ ލޯ ވަށްކޮށްލަމުން ސަލީމާގެ މޫނަށް ޖަމީލާ ބަލައިލިއެވެ.
ބުނެވުނު ބަހާ މެދު ސަލީމާއަށް ވިސްނައިލެވުނީ ދެނެވެ. އުފާވެރި ރެއެކޭ އޭނާއަށް ބުނެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާއަށް ލިބިފައި ހުރި އުފަލެއްގެ ބޮޑުކަމުން ބުނެވުނީއެވެ.
“ޣަފޫރުބެއާ އެކު ދުއްވާލަން ދެވުނީމަ މަންމައަށް އުފާވެރި ރެއަކަށް ނުވޭތަ؟” ހަގީގަތް ފޮރުވުމަށް ޓަކައި ސަލީމާ އަވަސްއަވަހަށް ބުނެލިއެވެ.
“އޭނަ އެބަ އުޅޭތަ މަ ގޮވައިގެން ދުއްވަންދާން!” ޖަމީލާގެ ދެ ލޮލުން ރަންކަނި ބުރާންފެށި ކަހަލައެވެ.
“ދެން ކޮންތާކުން މަންމަ ތި އައީ؟”
“ކަލޭ ހާދަ ހަމަޖެހިލާފަ ހުރި ރެއެއްހެން އެބަ ހީވޭ! ކޮން އުފަލެއް ލިބިގެންތަ ތި އުޅެނީ؟” ސަލީމާގެ މޫނަށް ފަރުވާތެރި ނަޒަރަކުން ޖަމީލާ ބަލައިލިއެވެ.
“އަސްލު ކީއްވެތަ މަންމަ ތިހާ ކަންބޮޑުވެގެން ތި އުޅެނީ؟” ސަލީމާ ބޭނުންވީ، މަންމަ ވަން މައުޟޫއިން އަވަހަށް ނިކުންނާށެވެ.
“ކަންބޮޑުވެވޭލެއް އަދިވެސް ކުޑައޭ!” ފުން ނޭވާއެއް ޖަމީލާ ދޫކޮށްލިއެވެ. “ތިހެން ދެ ލޯ މަރާލައިގެން ހުރެވޭކަށް ނެތް. ކަންތައްތައް މިހިރަ ދަނީ ގޯހުން ގޯހަށް. އައިސް މިތާ އިށީނދެބަލަ!”
ސަލީމާ އައިސް އިށީންނުމުން ޖަމީލާ ވާހަކަދައްކަން ފެށިއެވެ. ފުރަތަމަ ކިޔައިދިނީ، މާއިޝާ ކޮޓަރި ނުނިވާ ދިޔައިމަ، އެ ތަން ޣަފޫރަށް ދެއްކުމުން ކަން ވީ ގޮތެވެ. އެ ވާހަކަ ކިޔައިދިނުމުން ސަލީމާ ކަންބޮޑުވިއެވެ. ކުށްކުރީ އޭނާއެވެ. އެހެން އެކަން ކުރެވުނީތީ ދެރަވިއެވެ. އެ ކަށި އޭނާ ފޭއްސީ މާއިޝާގެ ދެ ލޮލަށް ގޯޅައިލުމަށެވެ. ނަމަވެސް އާޚިރުގައި ހެރުނީ މަންމަގެ ދެ ލޮލަށެވެ.
ދެން ޖަމީލާ ފެށީ މޫސަބެއާ ގުޅައިގެން ދެކެވުނު ވާހަކަތަކާއި އެ ގެއަށް ގޮސްގެން ކަން ވީ ގޮތުގެ ވާހަކަތަކެވެ. އެ ވާހަކަ ފެށުމާ އެކު ސަލީމާގެ ނޭވާ ތާށިވިއެވެ. މެޔަށް ބާރުކުރާން ފެށިއެވެ. އޭނާ ހިތްވަރުކޮށްފައި އަޑުއަހާން އިނެވެ.
“މޫސަބޭ ނޫޅޭ މި ކަން އަވަސްކޮށްދޭކަށް. ދަރިފުޅަށް އަށާރަ ފުރުނު ވާހަކަ ބުނީމާ އަނެއްކާ ވެސް އެހެން ވާހަކައެއް ފެށީ. އަދި ނެތޯ ކައިވެނި ކުރެވޭކަށް.”
ޖަމީލާ މިހައިހިސާބަށް ބުނުމާ އެކު، ސަލީމާގެ ހިފެހެއްޓިފައި ހުރި ނޭވާ އިޚުތިޔާރަކާ ނުލައި އަނގައިން ބޭރުވެއްޖެއެވެ. ދެ ލޯ މަރައިލެވުނެވެ. ހިތަށާއި ސިކުނޑިއަށް ލިބުނު އަރާމެއްގެ ފުންމުންނެވެ. މެޔަށް ވީ ލުޔެއްގެ ބޮޑުކަމުންނެވެ. ޖަމީލާއަށް އެ ވަގުތު ސަލީމާއާ ދިމާއަށް ބަލައިލެވުނު ނަމަ، ކުޅަނދުރަކަށް ދޫނުކުރީސް ކަންނޭނގެއެވެ.
“އެއްޗެއް ނުބުނެ ތި އިންނަނީ ކީއްވެ؟ ކަލޭ ބޭނުންވާ ގޮތަށް ދޯ މި ކަން މި ދަނީ؟”
“ކީވެތަ މޫސަބެ އެހެން ބުނީ؟” މަންމަގެ ހިތްހަމަޖައްސައި ދިނުމަށް ޓަކައި، އެ ވާހަކަތަކުގައި ބޭރުފުށުން ސަލީމާ ބައިވެރިވެލިއެވެ.
“އޭނަގެ ދަރިއަކު ބޭރަށް ކިޔަވަން ދަނީޔޯ! އެ މަންޖެ އެކަނި ދާން ބޭނުން ނުވީމަ، އެ ދެމަފިރިން ދާންޖެހުނީއޭ ބުނީ.”
“ތީ މަށަށް ލެއްވި ހާދަ ބޮޑު ނަސީބެކޭ! ދެން ދާ ގޮތަށް ތި މީހާ އެނބުރި މާލެއަށް ނައިސިއްޔާ ހާދަ ރަނގަޅޭ!” ސަލީމާ ހިތަށް ވެރިވެގަތް ޝުޢޫރުތައް ދުލާ ހަމައަށް އައި ނަމަ، މުޅި އުމުރަށް ޖަމީލާ އޭނާއާ ވަތްކަނޑައިލީހެވެ.
“އެކަމަކު ދެން އެހައި ދުވަސް ވާންދެން އަހަރެން މީހަކާ ނީނދެ އިންނަންވީ؟” ސަލީމާ ބޭނުންވީ ޖަމީލާގެ ވިސްނުން ހުރި ގޮތެއް ދެނެގަންނާށެވެ. އެހެން މަގެއް އިޚުތިޔާރު ކުރުމުގެ ފުރުސަތު ހޯދާށެވެ.
“ކޮން ލަވައެއް މިހާރު ތި ފެށީ؟” ޖަމީލާ ދެ ލޯ ވަށްކޮށްލިއެވެ. “މި ކިޔާ އެއްޗެއް އަޑުއަހާކަށް ނޫންތަ ތި އިނީ؟”
“އަޑުއެހީމޭ. މަ މި ބުނީ މޫސަބޭ އަންނަހައި ދުވަހެއް ވާންދެން އަހަރެން ދެން މީހަކާ ނީނދެ އިންނަންވީހޭ؟” ސަލީމާގެ އަޑު ވެސް މި ފަހަރު ތަންކޮޅެއް ބާރުވިއެވެ.
“މީހަކާ ނީނދެވިގެން ތެޅިގަންނަވަރެއް އަދި ނުވެއެއްނު! ކޮންކަމެއް މަދުވެގެން ތި އުޅެނީ؟ ތި ކަހަލަ އެއްޗެއް ހިތަށް ވެސް އަރުވައިގެން ނުވާނެ!”
ސަލީމާ ބަހެއް ނުބުނެ އިނީ، މަންމަގެ މި ވަގުތުގެ ހާލަތު ވަޒަންކުރެވިގެންނެވެ.
މާއިޝާގެ އޯލެވެލް އިމްތިހާނު ކުރިއަށް ދެއެވެ. މި ދުވަސްވަރު ކިޔެވުން ނޫން އެއްވެސް ކަމަކަށް މާއިޝާގެ ސަމާލުކަމެއް ނުދެއެވެ. ރަނގަޅު ނަތީޖާއަކަށް ޓަކައި، ކުރެވޭން ހުރި ހުރިހައި ކަމެއް އޭނާ ކުރެއެވެ. ޓިޔުޝަން ނެގުމާއި ފިލާވަޅުތައް މުރާޖާކުރުމުގެ އިތުރުން ކޮންމެ ނަމާދަކަށްފަހު ކާމިޔާބަށް އެދި ދުޢާކުރެއެވެ.
އަނެއްކޮޅުން ސަލީމާއާއި ޝާހިރުގެ ލޯބީގެ ބައްދަލުވުންތައް ވެސް ދޭތެރެއަކުން އޮވެއެވެ. ސަލީމާ ބޭނުންވާ ވަރަކަށް ބައްދަލެއް ނުކުރެވެއެވެ. މަންމައަށް ސިއްރުން ކުރަން ޖެހޭތީއެވެ. މަންމަ ގޭގައި އުޅޭ ދުވަހަކު، ޝާހިރު ގެއަށް ގެންނާކަށް ނުކެރެއެވެ. މަންމައަށް ފެނިއްޖެއްޔާ ކޮށްލާނެވަރު ހިތަށް އަރާތީއެވެ. އެހެން އުޅެނިކޮށް ވެސް އެއް ދުވަހު ދޮރާށި ދޮށުގައި ވާހަކަދައްކަން ހުއްޓާ ފެނިއްޖެއެވެ. އެ ދުވަހު ވަރުވަރުން ސަލީމާއާ ސުވާލުތައް ކުރިމަތިވިއެވެ. ރައްޓެއްސެކޭ ކިޔައިގެން ސަލީމާ ދޮގުހެދި ނަމަވެސް ގަބޫކުރިކަމެއް ނޭނގެއެވެ.
ދެވަނަ ފަހަރަށް މަންމައަށް އެ މަންޒަރު ފެންނާން ނޭދޭތީ، ޝާހިރާ އެކު ބޭރަށް ދާން ކިތަންމެ ވަރަކަށް ސަލީމާ މަސައްކަތް ކޮށްފިއެވެ. އެހެންނަމަވެސް ޝާހިރު އެ ކަމަކަށް އެއްބަހެއް ނުވެއެވެ. ސަލީމާ ގޮވައިގެން ބޭރަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ބޮޑަށް ބާރުއަޅަނީ ގޭތެރޭގައި ބައްދަލުވާށެވެ.
މެންދުރުފަހުގެ ވަގުތެވެ. މާލޭގެ މަގުތަކަށް ވެރިވެފައިވާ އަލިފާން ހޫނުކަން ގޭގޭއަށް ވެސް ވަނީ އޭގެ އެންމެ ހޫނު ގަދަކޮށް ފޯރާފައެވެ. ދޮންވެފައިވާ ފުރާޅުތަކާއި ފާރުތަކުން ނިކުންނަ ހޫނުން ގޭތެރެއަށް ވެރިވެފައިވާ އުދާސްކަމަށް ކެތްކޮށްލުމަކީ ދަތިކަމެކެވެ.
މިއަދަކީ މާއިޝާއަށް އިމްތިހާނެއް ނެތް ދުވަހެކެވެ. އެހެންނަމަވެސް މާދަމާ އޮތީ ވަރަށް އުނދަގޫ މާއްދާއެއްގެ އިމްތިހާނެކެވެ. ފިޒިކްސްއަކީ އޭނާއަށް އެންމެ އުނދަގޫ މާއްދާއެވެ. އެހެންކަމުން އޭނާ އިނީ މާދަމާގެ އިމްތިހާނަށް ތައްޔާރުވުމުގައެވެ. ފޮތް ނަގައިގެން ފިލާވަޅުތައް ފަރިތަކުރާށެވެ. އެއާކޯނުގެ ފިނިކަމުގެ ތެރޭގައި ހިތަށާއި ސިކުނޑިއަށް ފިނިކަން ވެރިކުރެވޭތޯ އޭނާ މަސައްކަތްކުރަމުން ގެންދިޔައެވެ.
އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް މާއިޝާ ބަލައިލިއެވެ. ފެނުނީ ބައްޕަގެ ވަރުބަލިވެފައިވާ މޫނެވެ. ބައްޕަ ފެނުމުން އާދައިގެ މަތިން ހިތްހެޔޮކަމާ އެކު އޭނާހިނިތުންވެލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމުން އުފާވެރިކަމެއް ޣަފޫރަކަށް ނުފެނުނެވެ. ފެނުނީ ނުތަނަވަސްކަމެވެ. އެ މަންޒަރު ވީ ޣަފޫރުގެ ހިތަށް ތަދުކުރި މަންޒަރަކަށެވެ. ގޭތެރޭގެ މަސްލަޙަތު މިހާރު އެހައި ރަނގަޅު ނޫންކަން ޣަފޫރަށް އެނގެއެވެ. ޖަމީލާއަކީ އޭނާ ހީކުރި ކަހަލަ މީހެއް ނޫނެވެ. ޝަކުވާ މާ ބޮޑީއެވެ. ޚާއްޞަކޮށް މާއިޝާއޭ ކިޔައިގެން ކުރާ ޝަކުވާ ގިނައީއެވެ.
“ދަރިފުޅާ!” ޣަފޫރު ކޮޓަރިއަށް ވަދެ، މާއިޝާގެ ބުރަކަށީގައި ލޯބިން ފިރުމައިލިއެވެ. “ކިހިނެއް އެގްޒާމް ކުރިއަށް ދަނީ؟”
“ރަނގަޅު! ވަރަށް ފަސޭހަ.”
“ދަރިފުޅު ބައްޕައަށް ގުޅީ ކޮންކަމަކު؟ ގެއަށް އައި ފަހުން ބައްޕައަށް ފެނުނީ.”
“އިއްޔެ ޓިޔުޝަން ކުލާސްތެރެއަށް ކަލްކިއުލޭޓަރ ވެއްޓި ހަލާކުވެގެން މި އުޅެނީ.”
“އެހެންތަ؟ ކޮން އިރަކަށް ބޭނުންވަނީ؟”
“މާދަމާއަށް.”
“އެހެންވީމާ އާ އެއްޗެއް ގަންނަންވީ ދޯ!”
“އެ އެތި ހެދެންޏާ ހަދާލިޔަސް ރަނގަޅުވާނެ!”
“ދެން އާ އެއްޗެއް ގަތީމަ ރަނގަޅުވާނީ.” ޣަފޫރު ހިނިތުންވެލިއެވެ. “މިހާރަކަށް އައިސް ދަރިފުޅު ފެންނަނީ ހާދަ އެހެން ކަހަލަ ގޮތަކަށޭ.”
“ކޮން ގޮތަކަށް؟” ޣަފޫރުގެ މޫނަށް މާއިޝާ ބަލައިލިއެވެ. ގޭތެރޭގެ އެއްވެސް ކަމެއް ބައްޕައަށް އަންގާކަށް މާއިޝާ އަދިވެސް ބޭނުމެއް ނުވެއެވެ. ޝަކުވާ އުފުލާ ދަރިއަކަށް ވާން ބޭނުން ނުވާތީއެވެ.
“ދަރިފުޅު ހިތްހަމަނުޖެހޭ ކަހަލަ އެއްވެސް ކަމެއް ގޭތެރޭގައި ހިނގާތަ؟”
“ނޫން ބައްޕާ! ހުރިހައި ކަމެއް ވެސް ވަރަށް ރަނގަޅު.” ބައްޕަގެ ސިކުނޑިއަށް އިތުރަށް ބަރުކުރާކަށް މާއިޝާ ބޭނުމެއް ނުވެއެވެ. މި ދުވަސްވަރު ބައްޕަ ވެސް ވަރަށް ބޮޑު ހާސްކަމެއްގައި އުޅޭކަން މާއިޝާއަށް އެނގެއެވެ. ވިޔަފާރި ދަށްވާތީއެވެ.
މާއިޝާއާ އިރުކޮޅަކު ވާހަކަދައްކާލަން އިނދެފައި ޣަފޫރު ނިކުމެގެން ހިނގައްޖެއެވެ. މާއިޝާ އަނެއްކާ ވެސް ފޮތުގެ ތެރެއަށް ގެއްލުނެވެ.
“ކޮން ކަމަކަށް ގެއްލިފައި ތި އިންނަނީ؟” ހަވީރުގެ ވަގުތު ޣަފޫރާއި ފާއިޒު ތިބީ، “ލެވެންޑާ”ގެ އެންމެ މަތީގައެވެ. ފާއިޒަކީ ޣަފޫރުގެ ދުރުތާ ތިމާގެ މީހެކެވެ.
“ގޭތެރޭގެ ކަންކަން ހުންނަ ގޮތުން، ވިސްނައިލެވެނީ.”
“ގޭތެރޭގެ ކޮންކަމެއް؟”
“ޖަމީލާގެ ވާހަކަތައް މިހާރު ހުންނަ ގޮތުން، މާއިޝާއާ ދޭތެރޭ އޭނަ އެހައި ހިތްހަމަޖެހޭ ހެނެއް ހިޔެއް ނުވޭ.”
“ކިހިނެއް ވާހަކަ ހުންނަ ވާހަކައެއް ތި ބުނީ؟”
“ދޭތެރެއަކުން އެ މަންޖެއޭ ކިޔައިގެން ކޮންމެވެސް ޝަކުވާއެއް މަގޭ ގާތުގައި ކުރާނެ!”
“އެ މަންޖެ އުޅޭލެއް މާ ގޯހީތަ އަނެއްކާ؟”
“ނޫން!” ޣަފޫރު ބޯ ހަލުވައިލިއެވެ. “ޖަމީލާ އެ ބުނާހައި ވިޔާނުދާކޮށް އޭނާއެއް ނޫޅޭނެ!”
“އެކަމަކު ޖަމީލާ ވެސް ޝަކުވާ ކުރާނީ ކޮންމެވެސް ކަމެއް ވީމާ ކަންނޭނގެ ދޯ!”
“ޖަމީލާގެ ހުރޭ ޝަކުވާކޮށް މައްސަލަ ބޮޑުކުރުމުގެ ސިފަ. އެކަން މަށަށް ނޯޓިސްކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ!”
“އަދި ވަރަށް އެހެން ކަހަލަ ކަމެއް ވެސް އެއް ރެއަކު ފާހަގަކުރެވުނު. އެއީ މަގޭ ހިތަށް ވަރަށް އުނދަގޫކުރާ ކަމެއް.”
“ކޮންކަމެއް؟”
ޣަފޫރު ކިޔައިދިނީ، އެއް ރޭ ޖަމީލާ ނިދާފައި އޮވެ، މޫސަބޭ ކިޔާ މީހަކަށް ގޮވައި ވާހަކަދެއްކި ވާހަކައެވެ. އޭގެ އިތުރުން އެކި ދުވަސްދުވަސްމަތިން ޖާމިލާގެ ފުށުން ފެނުނު ބައެއް ކަންކަން ވެސް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހާފައި ފާއިޒަށް މަޖުބޫރުވީ އިތުރަށް ވިސްނާށެވެ. އެއަށްފަހު އޭނާއަށް ފެންނުނު ލަފާ ޣަފޫރަށް ދިނެވެ.
ހަމަ އެ ދުވަހެވެ. އެ ހަވީރެވެ. ރައްޓެއްސަކު ގެއަށް އައިސްގެން، އޭނާއާ އެކު ޖަމީލާ ވީ ބޭރަށް ގޮހެވެ. ލިބުނު ރަނުގެ ފުރުސަތުގައި، ސަލީމާ ވަގުތުން ސިޓީންރޫމަށް ނުކުމެ ޝާހިރުގެ ނަންބަރަށް ގުޅައިލިއެވެ. މަންމަ ނެތް ވާހަކައާއި އަވަހަށް ގެއަށް އައުމަށް އެދުނެވެ. ޝާހިރު ވެސް ހުރީ އެ ގެއަށް އަންނަން ބޭނުންވެފައި ކަންނޭނގެއެވެ. ސަލީމާ ގުޅާލިތާ ހައެއްކަ މިނެޓްގެ ތެރޭގައި އަތުވެއްޖެއެވެ. އޭރު ސަލީމާ ހުރީ އޭނާގެ އިންތިޒާރުގައި ދޮރޯށިދޮށަށް ނިކުމެއެވެ.
ޝާހިރު ފެނުމާ އެކު ސަލީމާގެ ހިތް އުފަލުން ތެޅެންފެށިއެވެ. މިއަދު ޝާހިރު މާ ރީތިހެން އޭނާއަށް ހީވިއެވެ. އޭނާއަށް ޝާހިރާ ދިމާއަށް ހިނގައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އެ ދިޔަގޮތަށް ގޮސް ޝާހިރުގެ ދެ ކޮނޑުގައި ހިފަހައްޓައިލައި ސައިކަލަށް އަރަން އުޅެވުނެވެ. ޝާހިރުގެ ފަހަތުގައި އިނދެ ސައިކަލު ދުއްވާލުމަކީ އޭނާ ހާދަ ބޭނުންވާ ކަމެކެވެ. އެހެންނަމަވެސް އެ ފުރުސަތެއް އަދި ނުލިބެއެވެ.
“އޭތް! އޭތް! ތި އުޅެނީ ކީއްކުރަން؟”
ޝާހިރުގެ އަޑަށް ސަލީމާ ހުއްޓުން އެރިއެވެ. ކުރެވުނު ކަންތަކާ، ކޮންމެވެސް ވަރަކަށް ލަދު ވެސް ގެންފި ކަންނޭނގެއެވެ. މޫނުމަތީން އެ އަސަރު ފެނުނެވެ.
“ހިނގާ ދުއްވާލަން ދާން!”
“ދުއްވާލަން؟” ސަލީމާގެ މޫނަށް ޝާހިރު ބަލައިލީ ފާޑަކަށެވެ.
“މިހެން ބުރެއްޖަހާލައިފައި އަންނާނީއޭ.”
“ދުއްވަން ދިޔައިމަ، ސަލީމާގެ މަންމަ ހިތްހަމަނުޖެހިދާނެ!”
“މަންމަ އޯކޭވާނެ! މަންމަ ގާތުގައި އަހަރެން އޮންނާނީ އަހާފަ.” ސަލީމާ ވަގުތުން ދޮގެއް ހަދައިލިއެވެ. ދޮގެއް ހަދާލުމަކީ އޭނާއަށް މާ އުނދަގޫކަމެއް ނޫނެވެ.
“އަހާފައޭ؟ ކޮން ވާހަކައެއް؟ މަގޭ ވާހަކަ؟”
“އާނ!”
“ތި ގޯސްވީ!” ޝާހިރުގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ. “މަ ބުނިން ދޯ މަންމަ ގާތުގައި އަހަރެމެންގެ މި ގުޅުމާ ބެހޭ އެއްވެސް ވާހަކައެއް އަދި ނުބުނައްޗޭ!”
ޝާހިރުގެ މޫނުމަތިން ނުރުހުން ފެނުމުން ސަލީމާ ކަންބޮޑުވިއެވެ. ދޮގު ހެދުނު މޮޔަ ހީވިއެވެ.
“އެއީ….. އެއީ ސަމާސާއަކަށް ބުނި އެއްޗެއް! މަންމަ ގާތަކު އެއްވެސް ވާހަކައެއް ނުބުނަން.” ސަލީމާ އަވަސްއަވަހަށް ބުންޏެވެ.
“ދޮގު ވެސް ހަދަންތަ؟” ޒޯނަށް ސައިކަލު ވެއްދުމަށްފަހު، ސައިކަލުން ޝާހިރު ފޭބިއެވެ.
ސަލީމާގެ ފަހަތުން ޝާހިރު އެތެރެއަށް ވަނެވެ. ދެ މީހުން ޖައްސައިލީ ސޯފާގައެވެ. ސަލީމާ އިނީ ޝާހިރުގެ ގައިގައި ޖެހިލައިގެންނެވެ. ޝާހިރުގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވާ ހިސާބުގައެވެ.
ދެ މީހުން ވާހަކައިގައި ތިއްބާ ކޮންމެވެސް މީހަކު ދޮރާށި ހުޅުވާލި އަޑު އިވިއްޖެއެވެ. ސަލީމާގެ ހިތް ތެޅިގަތެވެ. ޖަމީލާ އައީ ކަންނޭނގެއެވެ. ޣަފޫރު އައީ ކަމަށް ވެސް ވެދާނެއެވެ. ސަލީމާ އަވަސް އަވަހަށް ޝާހިރާ ދުރަށް ޖެހިލިއެވެ.
ދޮރާށިން ވަދެގެން އައިސް ސިޓިންރޫމު ދޮރުމައްޗަށް އެރީ، ދެބައި އުމުރުގެ ފިރިހެނެކެވެ. އެއީ ފިހާރައިގައި އުޅޭ މީހެކެވެ. ޣަފޫރު ފޮނުވައިގެން ދޭތެރެދޭތެރެއިން އެ ގެއަށް އައިސް އުޅޭ މީހެކެވެ. ސަލީމާއަށް އޭނާއަކީ ކާކުކަން އެނގެއެވެ.
“މާއިޝާ އެބަ އުޅޭތަ؟”
އެ މީހާ ކުރި ސުވާލަކީ، ޝާހިރު ވެސް ކުރަން ބޭނުންވެފައި އިން ސުވާލެކެވެ.
“ވެއްޖެ ގޭތެރޭގަ.” އެ މީހާއަށް ޖަވާބުދިން އިރު، ސަލީމާގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ.
“ހަމަ އަސްލު ވެސް މާއިޝާ އެބަ އުޅޭތަ؟” އެ މީހާ ވަދެގެން ދިޔުމުން، ޝާހިރަށް ވެސް ކޮށްލެވުނީ ހަމަ އެ ސުވާލެވެ.
“އާނ!” މާއިޝާގެ ވާހަކަ ފެށުމުން ސަލީމާގެ މޫޑަށް ބަދަލު އަތުވެއްޖެއެވެ.
“މަ ހީކުރީ ނޫޅޭކަމަށް. ކާކު އެ އައީ މާއިޝާ ހޯދަން؟”
“ނޭނގެ އެއް ގޮތަކަށް ވެސް. އެކަހަލަ އެތައް ބަޔަކު އަންނާނެ އޭނާ ހޯދަން. މިއީ އެހެންޏާ އަދި ނުފެންނަ މީހެއް. އަނެއްކާ ވެސް އާކޮށްލީ ކަންނޭނގެ!”
“ތި ބުނީ؟” ޝާހިރުގެ ހިތުގައި ސުވާލު އުފެދުނެވެ.
“މި ބުނީ އަނެއްކާވެސް އާ ބިޓެއް ނެގީ ކަންނޭނގެއޭ.”
“ބިޓެކޭ؟” ޝާހިރުގެ ދެ ލޯ ބޮޑުވިއެވެ. “މާއިޝާއާ އަޅައިބަލާއިރު އެއީ ބޮޑު މުސްކުޅިއެއްނު!”
“ކީއްކުރާނީ ޝާހިރު!” ފުން ނޭވާއެއް ދޫކޮށްލަމުން ޝާހިރުގެ ކޮނޑުގައި ސަލީމާ ބޯ އަޅައިލިއެވެ. “ޒުވާނެއް މުސްކުޅިއެއް އޭނާއަކަށް ނޯންނާނެ!”
“ރައްޓެހިވެގެން އުޅޭ މީހުން އެ ގޮތަށް ގެއަށް ވައްދައިގެން އުޅޭއިރު، މަންމަމެން އެއްޗެއް ނުބުނޭތަ؟” ސަލީމާގެ ވާހަކަތައް ޝާހިރަށް ގަބޫލުކުރެވެމުން އަންނަ ކަހަލައެވެ.
“ކިތަންމެ ވަރަކަށް ވެސް ބުނޭ. އެކަމަކު ގަބޫލުކުރިއްޔާތާ އޮންނާނީ. އެހެންވީމާ ކަންނޭނގެ. މިހާރު އެހައި ބޮޑަކަށް އަޅައެއް ނުލާ.”
އެކަމަކު އެހައި ވިޔާނުދާ ކުއްޖަކަށް މާއިޝާ ވެދާނެ ބާވައެވެ؟ ޝާހިރަށް އިނދެވުނީ ސަލީމާގެ ވާހަކަތަކާ މެދު ވިސްނާށެވެ. އެހެން އިންދާ، އެ އައި މީހާ ނިކުމެގެން ހިނގައްޖެއެވެ. އޭނާ ވަދެގެން ދިޔައިރު އޮތް ކޮތަޅެއް، އޭރު އޭނާގެ އަތަކު ނެތެވެ.
ކަލްކިއުލޭޓަރު ލިބުމުން މާއިޝާ އަވަސްވެގަތީ މަސައްކަތްފަށާށެވެ. އޭނާ ފޮތް ހޯދަން ފެށިއެވެ. މޭޒުމައްޗަކު ނެތެވެ. ކަބަޑު ވެސް ބަލައިފިއެވެ. ސިޓިންރޫމުގައި ބޭއްވުނު ހަނދާންވީ ދެނެވެ. އޭނާ އަވަސްއަވަހަށް ކޮޓަރީ ދޮރު ހުޅުވާލައިފައި ނިކުތެވެ. މާ ބޮޑު ޚިޔާލެއް ފިކުރެއް ނެތި ސިޓިންރޫމަށް ނިކުތެވެ. އެއާއެކު އޭނާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ސަލީމާ އިނީ ޝާހިރުގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. މާއިޝާ އައިސް ވަނުމާ އެކު، ޝާހިރުގެ އަތް، ސަލީމާގެ ހަށިގަނޑު ވަށައިލިއެވެ.
ފެނުނު މަންޒަރެއްގެ ސަބަބުން މާއިޝާގެ ހިތް ކަތިލެވުނެވެ. އޭނާއަށް ހީވީ ތޫނު ޚަންޖަރަކުން އޭނާގެ ހިތް ކަފައި ކުދިކުދިކޮށްލި ހެންނެވެ. ފެންކަޅިވާންފެށުމާ އެކު އެ ތަނުން ދިޔުމަށް ޓަކައި އޭނާ ހިނގައިގަތެވެ. ކުރަން އައި ކަންތަކުގެ މަތިން ހެނދާން ވެސް ނެތެވެ.
މާއިޝާއަށް ސިޓިން ރޫމުން ނިކުމެވުނީ ހަމަ ކިރިޔާއެވެ. ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. އޭނާ ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު، ދޮރުފަތުގައި ލެނިގިލިއެވެ. ހިތްދަތިކަމާ އެކު، ދެ ލޯ މަރައިލެވުނެވެ. އެއާ އެކު ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. އެ ވަގުތު އޭނާގެ ހިތް ބުނާންފެށިއެވެ. ތިޔަ ވަނީ ކިހިނެއް ހެއްޔެވެ؟ ތިޔަ ރޮނީ ކޮން ކަމަކާ ހެއްޔެވެ؟ ތިޔަ ވަރުގެ ފުން އަސަރެއް ކުރީ ކީއްވެގެން ހެއްޔެވެ؟
ޝާހިރު ދެކެ ލޯބިވެވޭކަން ގަބޫލުކުރަން މިއަދު މާއިޝާއަށް މަޖުބޫރު ވެއްޖެއެވެ. އެހެންނަމަވެސް މިހާރު އޭނާއަކަށް އެ ފުރުސަތެއް ނެތެވެ. އޭނާގެ ހިތުގެ ބައިވެރިޔާ، ސަލީމާގެ މިލްކަކަށް ވެއްޖެއެވެ.
މާއިޝާގެ ސިކުނޑިއަށް ބަރުވާން ފެށުމާ އެކު، އޭނާ ގޮސް އެނދުމަތީގައި އޮށޯވެލިއެވެ. ބޭނުންވީ ރަނގަޅަށް ރޯލާށެވެ. ހިތަށް ދަތިކަން ލިބޭ ކޮންމެ ފަހަރަކު އޭނާ ކަންތައްކުރާ ގޮތަކީ އެއީއެވެ. ހިތް ފުރޭންދެން ރޯލަނީއެވެ. އެ ގޮތަށް ކަންތައް ކުރުމުން ހިތަށް ލުއިވެއެވެ. ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ލިބެއެވެ.
ސަލީމާ އޮތީ ކޮޓަރީގައެވެ. ނިދަން އޮށޯވެއެވެ. އޭނާގެ ލޮލަކަށް މި ރެއަކު ނިންޖެއް ނާދެއެވެ. އޭނާގެ މޫނުމަތީން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. މި ރޭ ކަންތައްތައް ނިމިގެން ދިޔައީ، އޭނާ ހީކުރި ވަރަށް ވުރެ ވެސް މާ ފުރިހަމަކޮށެވެ. އޭނާ ހީކޮށްގެން ހުރީ، މާއިޝާ އައިސް އެ ގޮތަށް ވަނުމުން، ޝާހިރު ކަންތައް ކުރާނީ އެހެން ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް ޝާހިރު ވެސް އޭނާއާ ރަނގަޅަށް ބައިވެރިވެލީއެވެ. އޭނާގެ ގައިގައި ބައްދައިލީއެވެ. ގަޔާ ކައިރިކޮށްލީއެވެ. މާއިޝާގެ ހިތަށް ތަދުކޮށް، އެ ތަނުން ފޮނުވައިލީއެވެ.
ޣަފޫރަށް އެ ރޭ ގެއަށް އާދެވުނީ، އެގާރަގަޑި ބައިވި ފަހުންނެވެ. ގެއަށް ވަނުމާ އެކު، އޭނާއަށް ފެނުނީ މާއިޝާގެ ކޮޓަރި ދިއްލާފައި ހުރި ތަނެވެ. އަދި ވެސް މާއިޝާ ނުނިދަނީ ބާވައޭ ހީކޮށް ގޮސް ދޮރު ހުޅުވައިލިއެވެ. ފެނުނީ މާއިޝާ އެނދުމަތީގައި ބަނޑުވަތަށް ކަހަލަ ގޮތަކަށް އޮތްތަނެވެ. ހެދުން ވެސް ބަދަލު ނުކޮށެވެ. މޭޒުމަތީގައި ކަލްކިއުލޭޓަރު އޮތެވެ. ހުޅުވާފައި އޮތް ފޮތަކާއި ގަލަމެއް ވެސް އޮތެވެ.
ޣަފޫރު ކޮޓަރިއަށް ވަދެ ބަލައިލި އިރު، މާއިޝާއަށް އޮތީ ނިދިފައެވެ. އޭނާ، ދަރިފުޅާއޭ ކިޔައި މަޑުމަޑުން ގޮވައިލިއެވެ. ދެފަހަރަކު ގޮވައިލުމާ އެކު މާއިޝާއަށް ހޭލެވިއްޖެއެވެ.
“އެއްޗެހި ވެސް ބަދަލު ނުކޮށެއްނު ތި އޮތީ. ކިޔަވަން އިނދެފައި އޮށޯވެލީ ދޯ!” ޣަފޫރުގެ އަޑުގައި ހުރީ ލޯތްބެވެ. އޯގާވެރިކަމެވެ.
“މާއިޝާ ދެ ލޯ އުނގުޅަމުން ކަހަލަ ގޮތަކަށް އެނދުން ފޭބިއެވެ.
“އެއްޗެހި ބަދަލުކޮށްލައިގެން ނިދާ އިނގޭ!”
ޣަފޫރު ކޮޓަރިން ނުކުތީ ކޮޓަރި ތަޅުލާފައެވެ. މާއިޝާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. ލޯގަނޑުން މޫނަށް ބަލައިލިއެވެ. އެ ވަގުތު އޭނާ ސިހުނެވެ. ދެ ލޯ ހުރި ގޮތް ފެނިފައެވެ. ރަތްވެފައި ހުރިވަރުންނެވެ. ހަމަ އެ ވަގުތު އޭނާގެ ސިކުނޑިއަށް ވެރިވެގަތީ، އޭނާގެ ހިތަށް ތަދުކުރި، ހަނދާންތަކެވެ. ސަލީމާއާއި ޝާހިރުގެ ގައިގޯޅި މަންޒަރެވެ. އޭނާގެ ހިތް ވަގުތުން ނުތަނަވަސްވެއްޖެއެވެ. އަނެއްކާ ވެސް ދެ ލޯ ފެންކަޅިވާން ފެށިއެވެ.
މާއިޝާ ފުންފުންކޮށް ދެތިން ނޭވާއެއް ބޭރުކޮށްލިއެވެ. އެ ނޭވާތަކާ ހަވާލުކޮށްފައި ހުރިހައި ފިކުރެއް ބޭރުކޮށްލަން މަސައްކަތް ފެށި ކަހަލައެވެ. އޭނާ ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. އެ ކަމާ އެއްވެސް ވަރަކަށް ޚިޔާލު ނުކުރުމަށެވެ. އެކަމާ ގުޅިވައިގެން ފިކުރު ބޮޑު ނުކުރުމަށެވެ. ފެށިގެން އުޅޭ އިމްތިހާނަށް ހުރަސްއެޅިދާނެތީއެވެ.
އޭނާގެ ހިތް ބުނާ ގޮތުގައި ކުރިއަށް ހުރި ދުވަސްތަކުގައި، އެ ފަދަ ކިތަންމެ މަންޒަރެއް އޭނާއަށް ފެންނާނެއެވެ. ކިތަންމެ އަޑެއް އިވޭނެއެވެ. އެހެންނަމަވެސް އެ ފަދަ ކޮންމެ ވަގުތަކު، ހިތުގެ މައްޗަށް ބާރު ހިންގަން އޭނާ މަސައްކަތްކުރާނެއެވެ. ފެނުނަސް ނުބަލާނެއެވެ. އިވުނަސް ނާހާނެއެވެ. މޫނު ދޮވެލައި ހަދާލައިގެން އޭނާ ފާޚާނާއިން ނިކުތީ އެ އަޒުމުގައި ހުރެއެވެ. އޭނާ ގޮސް ކިޔަވާ މޭޒު ދޮށުގައި ޖައްސައިލީ މާދަމާގެ އިމްތިހާނު ހިތުގައި ބާއްވައިގެންނެވެ.
ޝާހިރު އިނީ އޮފީހުގައެވެ. އިރުކޮޅަކުން މޭޒުމަތީގައި ހުރި ފޯނު ރިންގުވާން ފަށައިފިއެވެ. ޝާހިރު އަތްގަނޑު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ވާހަކަދައްކަނީ ޝާހިރު.” ޝާހިރުގެ އަޑުމަޑެވެ. “އާދެ، މި ދަނީ!” ފޯނު ބާއްވާފައި އޭނާ އަވަސް އަވަހަށް ތެދުވެގެން ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް ވަނީ ޑައިރެކްޓަރުގެ ކޮޓަރިއަށެވެ.
“އެއް މަސް ދުވަހަށް ފުރަން ޖެހުނީއޭ؟ ކޮން ތާކަށް؟”
މަސްދުވަގެ ކޯހަކަށް ފުރަން ޖެހުނު ވާހަކަ، އެ ދުވަހު ފޯނުކޮށްފައި ސަލީމާ ގާތުގައި ޝާހިރު ބުނުމުން ސަލީމާ ވަރަށް ކަންބޮޑުވިއެވެ. ޝާހިރާ ވަކިވާންޖެހޭތީ އޭނާ ދެރަވިކަން، ކުރި ސުވާލުންނާއި ކުރި ރާގުން އެނގުނެވެ.
“ސިންގަޕޫރަށް.” ޝާހިރު ބުންޏެވެ.
“ކޮން އިރަކުން ފުރަނީ؟”
“މާދަމާ ނޫން އަނެއް ދުވަހު.”
“އަޅެ ފުރުމުގެ ކުރިން އެއް ފަހަރު ނަމަވެސް ބައްދަލުކޮށްލަން އަންނައްޗޭ!” ސަލީމާގެ ހިތް ވަނީ މާޔޫސްކަމުގެ ފެންވަޅަކަށް ފެތިފައެވެ.
“ބަލާނަން! އެކަމަކު ޔަގީންކަމެއް ނުދެވޭނެ! ފުރުމުގެ ކުރިން ނިމަންޖެހޭ ވަރަށް ގިނަ މަސައްކަތް އެބަ ހުރި.”
“ޓްރައި ކުރައްޗޭ!”
ސަލީމާ އިނީ ވީހާ ވެސް ގިނައިރު ޝާހިރާ ވާހަކަ ދައްކަން ބޭނުންވެފައެވެ. އެހެންނަމަވެސް އެ ނަސީބެއް ނުލިބުނެވެ. ޝާހިރަށް ވަގުތު ނެތުމުން ޖެހުނީ ފޯނު ބާއްވާށެވެ.
ޝާހިރު ފުރައިފިއެވެ. ކަންދިމާކުރި ގޮތުން ސަލީމާއާ ބައްދަލުކޮށްލާނެ ވަގުތެއް ޝާހިރަކަށް ނުލިބުނެވެ. އެކަމާ ސަލީމާ ވަރަށް ދެރަވިއެވެ. އެތައް ވަރަކަށް ޝާހިރަށް ގުޅައި އާދޭސް ވެސް ކުރިއެވެ.
“ނެތް ވަގުތެއް އަހަރެން ނެރޭނީ ކޮންތާކުން؟” އެންމެ ފަހުން ޝާހިރު ޖަވާބު ދިނީ ސުވާލަކުންނެވެ.
މާއިޝާގެ އިމްތިހާނު ފެށުނު ފަހުން، އެހެންޏާ ގެއަށް އަންނަ ވަރަށްވުރެ ގިނައިން ޣަފޫރު ގެއަށް އާދެއެވެ. އެއީ މާއިޝާގެ ކިޔެވުމުގެ ކަންކަން ހުންނަ ގޮތް ވީހައި ވެސް ގާތުން ބަލާށެވެ. އެ ގޮތަށް ގެއަށް އަންނަން ފެށުމުން، ގޭތެރޭގެ ކަންކަން ހިނގާނުހިނގާ ގޮތް ކުރިއަށްވުރެ ބޮޑަށް ޣަފޫރަށް އެނގެމުން ދިޔައެވެ. ޖަމީލާގެ ކަންކަން ހުންނަ ގޮތެވެ. ސަލީމާގެ އުޅުން ހުރި ގޮތެވެ. ގޭގައި ހުންނަ ތަކެއްޗާ މެދު އެ ދެ މައިން އަމަލުކުރާ ގޮތެވެ. އެހެނަސް މިއިން އެއްވެސް ކަމަކާ ޣަފޫރު އެއްވެސް އެއްޗެއް ނުބުނެއެވެ. ކެތްތެރިކަން އިސްކުރީއެވެ. ހީވަނީ އޭނާ ބޭނުންވާ ވަކި މަޤުޞަދެއް އޮތީހެންނެވެ.
“މިހާރަކަށް އައިސް ޣަފޫރުބެ، މާއިޝާއާ ހާދަ ވާހަކައެއް ދައްކައޭ. ގެއަށް ވެސް މާ ގިނައިން އާދޭ ދޯ! އެކަމަކާ ހުރެ މިހާރު ހަމަޖެހިލައިގެން ފިލްމެއް ވެސް ބަލައިނުލެވޭ!” ޣަފޫރު ގޭގައި އުޅެފައި ނިކުމެގެން ދިޔުމުން، ޖަމީލާ ގާތުގައި ސަލީމާ ބުންޏެވެ.
“ނޭނގެ މިހާރު މި ވާން އުޅޭ ގޮތެއް އެއްގޮތަކަށް ވެސް. މަންމައަށް މި އިންނަން ޖެހެނީ ބޮޑު ބިރެއްގެ ތެރޭގައި.”
“އެއީ؟”
“ޣަފޫރުބޭ މިހާރު ވަރަށް ބަސް މަދުވެފައި ހުންނަނީ. ހިވަނީ ކަމަކާ ނުރުހިފައި ހުންނަހެން.”
“މަށަށް ހީވަނީ މާއިޝާ ކުޓުވަނީހެން.”
“ތިހެން ވެސް ވެދާނެ! ރަނގަޅު ދަންތުރައެއް ނުޖަހައި މިހެން ތިއްބާ ފެންނާނީ ރަތްކާޑު ދައްކާފަ ބާލާތަން.”
“ކިހިނެއް ދެން ހަދާނީ؟”
“ވިސްނަބަލަ! އެ މޫސަބޭގަނޑު ވެސް ވެއްޖެ ވިއްޔަ ފުރައިގެން ދާން! ބޯ ހަލާކު!”
މާއިޝާގެ އޯލެވެލް އިމްތިހާނު ނިމިއްޖެއެވެ. ސިކުނޑިއަށް ލުއިކަން ލިބިއްޖެއެވެ. ހައްޓަށް ފަސޭހަވެއްޖެއެވެ. މާއިޝާ ހުރީ އިމްތިހާނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ކުރެވުނު މަސައްކަތުގެ ނަތީޖާއަށް ކުރާ އުއްމީދު ވަރަށް ފޮންޏެވެ. ދެން އޮތީ އިންތިޒާރުކުރުމެވެ.
ޓެސްޓާ މެދު މާއިޝާ ދިން ޔަޤީންކަމުގެ ބޮޑުކަމުން ޣަފޫރު ވެސް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޓެސްޓާ ބެހޭގޮތުން މާއިޝާއާ ވާހަކަ ދެއްކުމަށްފަހު، ޣަފޫރު ފިހާރައަށް ދިޔައީ، ވަރަށް ނަސޭޙަތް ދީފައެވެ. ކުރިމަތީގައި ހުޅުވިފައި އޮތް ދެ މަގު އޮތްކަމާއި ވޭތުވެ ދިޔަ ދުވަސްތަކުގައި ހިނގި ފަދައިން ރަނގަޅު މަގުން ކުރިއަށް ދިޔުމަށް ހަނދާންކޮށްދީފައެވެ.
“މިހާރު ދަރިފުޅަކީ ކުޑަ ކުއްޖެއް ނޫން! ހެޔޮ ނުބައި ވިސްނޭނެ! ކުރިމަތީގައި އޮތް ނުބައި މަގަކީ ދަރިފުޅުގެ ހަޔާތަށް ޓަކައި އަބަދަށް ބަންދުވެފައި އޮތް މަގަކަށް ހަދައިގެން އުޅޭތި!”
ސަލީމާ ދުވަސްތައް ގުނައިލަގުނައިލަ ހުރީ ޝާހިރުގެ އިންތިޒާރުގައެވެ. ޝާހިރު ދިޔަފަހުން މިހާރު ފަންސަވީހަކަށް ދުވަސްވީއެވެ. އޭނާ ދެތިން ދުވަހަކު ސަލީމާއަށް ގުޅިއެވެ. ގިނައިން ނުގުޅެނީ މާ ބުރަކޮށް އުޅޭތީކަމަށް ބުންޏެވެ. ޝާހިރު އަންނަ ދުވަސް ކައިރިވަމުން އައި ވަރަކަށް ސަލީމާގެ ހިތުގެ ވިންދު އަންނަނީ އަވަސްވަމުންނެވެ.
މާއިޝާގެ ހިތަކުން ވެސް ޝާހިރުގެ ނަމެއް ނުފިލައެވެ. އިމްތިހާނު ނިމި، ހުސްކޮށް ހުންނާން ފެށުމުން ޝާހިރު މަތިން މާ ބޮޑަށް ހަނދާންވާ ފަށައިފިއެވެ. ޝާހިރު ގޭތެރެއިން ފެނޭތޯ ވެސް ބެލެއެވެ. އެ ދުވަހު ފެނުނު ގޮތަށް ފަހަކުން ނުފެނެއެވެ. ސަލީމާއާ ދެ މީހުންގެ ގުޅުމަށް ނިމުން އައީ ބާވައެވެ؟
ގޭތެރެއިން މާއިޝާއަށް ލިބެނީ އެކަނިވެރިކަމެވެ. އަނގައިން ބުނެލާނެ މީހަކު ނުވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކީ ވެސް ވަރަށް ދިގު ދުވަހެކެވެ. އެހެންކަމުން އޭނާގެ ކުލާސް ކުއްޖެއްކަމަށްވާ ރީނާގެ ގެއަށް ގޮސްލަން މާއިޝާ ބޭނުންވިއެވެ. ރީނާ ގުޅާފައި އަންނަން ބުނުމުންނެވެ.
ޣަފޫރަށް ގުޅާފައި އެ ވާހަކަ މާއިޝާ ބުނުމުން ޣަފޫރު ވަގުތުން އެއްބަސްވިއެވެ. ތައްޔާރުވެގެން ގުޅާށޭ ބުނުމުން މާއިޝާ އަވަސްއަވަހަށް ތައްޔާރުވެލިއެވެ. އިރުކޮޅަކުން ކާރުގައި ޣަފޫރު އަތުވެއްޖެއެވެ.
މާއިޝާ އެ ގެއަށް ދިޔައިރު ރީނާ ހުރީ މާއިޝާ ނައިސްގެން ލަސްވެފައެވެ. ރީނާ ކިޔައިދިން ގޮތުން އޭނާ ވެސް އުޅެނީ އިމްތިހާނު ނިމުމުން ފޫހިވާތީއެވެ. ގޭގައި އެކަނި ވުމުންނެވެ. މަންމައާއި ބައްޕަ އުޅެނީ ވަޒީފާގައެވެ. ދެން ހުންނަނީ ދޮންބެއެވެ. އޭނާ ވެސް މާލެއަކު ނެތެވެ. އެހެންކަމުން މާއިޝާ ދިޔުމުން ރީނާ ހުރީ ވަރަށް އުފާވެފައެވެ.
ހަމަ އެ ދުވަހެވެ. މެންދުރު ފަހުގެ ވަގުތެވެ. ޣަފޫރު އިނީ އޭނާގެ އޮފީހުގައެވެ. ފޯނެއްގައެވެ. ދައްކަމުން ދަނީ ސީރިޔަސް ވާހަކައެއްކަން އޭނާގެ މޫނުމަތިން އެނގެއެވެ. ވާހަކަ ދައްކަމުން ގެންދިޔައީ އޭނާގެ އާއިލާގެ މީހެއް ކަމަށްވާ ފާއިޒާއެވެ.
ފާއިޒުގެ ފޯނު ނިންމި ގޮތަށް، ޣަފޫރު ގުޅީ މާއިޝާއަށެވެ. އޭރު މާއިޝާއާއި ރީނާ އުޅެނީ މެންދުރުގެ ކެއުމުގެ ކަންތަކާއެވެ.
“ކީކޭ ބައްޕާ!”
“ދަރިފުޅު ބިޒީތަ؟”
“ނޫން! ކާންވެގެން މި އުޅެނީ؟”
“ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބައްޕަ މި ގުޅީ.” ޣަފޫރުގެ އަޑާއި ރާގު ހުރިގޮތުން ވަރަށް ސީރިޔަސް ވާހަކައެއް ދައްކަން އުޅޭކަން މާއިޝާއަށް އެނގުނެވެ. މާއިޝާ ވަގުތުން ތެދުވިއެވެ.
“ކޮން ވާހަކައެއްތޯ ބައްޕާ!” ރީނާއާ ދުރައްޖެހިލަމުން މާއިޝާ މަޑުމަޑުން އަހައިލިއެވެ.
ޣަފޫރު ކުރީ ސުވާލެކެވެ. އެ ސުވާލާ އެކު މާއިޝާއަށް ހުއްޓުންއެރިއެވެ. ޖަވާބުދޭން އުނދަގޫވިއެވެ. އެހެންނަމަވެސް ޣަފޫރުގެ ސުވާލު ތަކުރާރުވުމުން މާއިޝާއަށް ޖެހުނީ ޖަވާބުދޭށެވެ. ބައްޕަ ގާތުގައި ދޮގު ހަދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޣަފޫރުކުރާ ކޮންމެ ސުވާލަކަށް އޭނާ ޖަވާބުދެއެވެ. ކުރުކުރުކޮށެވެ. ދޮގެއް ނެތިއެވެ. ފަހަރަކު ސުވާލެއް ޣަފޫރު ކރަމުން ގެންދިޔައެވެ. އޭނާ ބޭނުންވާ ހުރިހައި މައުލޫމާތެއް މާއިޝާގެ ކިބައިން ހޯދުމަށްފަހު ޣަފޫރު ފޯނު ބޭއްވިއެވެ. ފަސް ވަރަކަށް މިނެޓްގެ ފޯނު ކޯލު ނިމުނުއިރު މާއިޝާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އޭނާގެ ސަބަބުން އެއްވެސް މީހަކަށް ދެރަ ގޮތެއް ވާކަށް އޭނާ ނޭދެއެވެ.
މެންދުރު ކުރީގެ ވަގުތެވެ. މާއިޝާ އުޅުނީ ކޮޓަރީގައި ވަރަށް އަވަދި ނެތިކޮށެވެ. ކޮޓަރި ސާފުކޮށް އެއްޗެހިތައް ތަރުތީބުކުރުމުގައެވެ. އިރުކޮޅަކުން އޭނާގެ ކަންފަތުގައި ޖެހުނީ ސިޓިންރޫމުގައި ހުރި ފޯނު ރަނގަބީލުވާ އަޑެވެ. ދެ ފަހަރު، ތިން ފަހަރު ރަނގަބީލުވެއްޖެއެވެ. ގޭގައި މީހަކު ނެތީ ބާވައެވެ؟ މާއިޝާ ކޮޓަރިން ނިކުތެވެ. ސިޓިންރޫމަށް ވަންއިރު ސަލީމާ ގޮސް ފޯނު ނަގަނީއެވެ.
“ހަލޯ!” ނެތް އަޑު ނެރެމުން ސަލީމާ ތުއިވެލިއެވެ.
“އައީތަ؟ ކޮން އިރަކު އައީ؟” ކަންފަތުގައި ޖެހުނު އަޑާ އެކު، ސަލީމާ އުފަލުން ނަށައިގަތެވެ. މި މަންޒަރު ބަލަން ދުރުގައި މާއިޝާ ހުއްޓެވެ.
ފޯނު ކުރީ ކާކުކަން ނޭނގުނު ނަމަވެސް، އެއީ ސަލީމާއަށް ވަރަށް ޚާއްސަ މީހެއްކަން އެނގުނެވެ. އުޅޭ ގޮތުންނާއި ދައްކާ ވާހަކައިންނެވެ. މާއިޝާ އެ ތަނުގައި ހުރިކަން އެނގުމުން، ސަލީމާ އަދި ވަކިން ގޮތް ބޮޑުކޮށްލިއެވެ. ތުއިކަމާއި ދެއްކުންތެރިކަން އިތުރުކޮށްލިއެވެ. އެހެންކަމުން އެ މަންޒަރު ބަލަން ހުންނާން ބޭނުން ނުވާތީ، އެނބުރި އައި ކޮޅަށް މާއިޝާ ހިނގައިގަތެވެ.
އެ ދުވަހު ހަވީރު ސަލީމާ ފެންވަރައި ނަލަހެދުނީ، މިއިން ދުވަހަކު ނަލަ ނުހެދޭ ވަރަށެވެ. މިއަދު އޭނާ ހަމަ ކޮންމެހެން ވެސް ޝާހިރާ ބައްދަލުކުރަން ބޭނުންވެއެވެ. އެހެންނަމަވެސް އޭނާގެ ކަންބޮޑުވުމެއް ވެސް އެބަ އޮތެވެ. މަންމަ ގޭގައި އުޅެންޏާ، އެކަން ވާނީ ވަރަށް ދަތި ކަމަށެވެ. ބޭރަށް ދާކަށް ޝާހިރު ބޭނުމެއް ނުވާނެއެވެ. ޖެހޭނީ ގޭތެރެއަށް ވަންނާށެވެ. ގޭގައި ތިއްބާ މަންމައަށް ފެނިއްޖެއްޔާ، ބުނާނީ ކީކޭކަމެއް ވެސް ނޭނގެއެވެ.
މި ކަހަލަ ނުތަނަވަސްކަމެއްގައި ހުރެ އޭނާ ތައްޔާރުވަމުން ގެންދިޔައެވެ. ހަދާނޭ ގޮތަކާ މެދު މިސްނަމުންނެވެ. އެކި ގޮތްގޮތަށް ވިސްނުމަށްފަހު، އެންމެފަހުން އޭނާ ނިންމީ، މަންމަ ބޭރަށް ނުދަންޏާ، ޝާހިރު ގޮވައިގެން ބޭރަށް ދާށެވެ. ޝާހިރު އައުމުން އާދޭސްކޮށްގެން ވެސް ބޭރަށް ދާނީއެވެ. ކޮންމެ ފަދަ އަގެއް ދައްކައިގެން ވެސް ޝާހިރު އެއްބަސް ކުރުވާނީއެވެ.
ތައްޔާރުވެލައިހެން ސަލީމާ ކޮޓަރިން ނިކުތްއިރު، ފަހެއް ޖަހަނީއެވެ. އޭނާ ފުރަތަމަ ދިޔައީ މަންމަ ކޮބައިތޯ ބަލައިލާށެވެ. މާއިޝާ އުޅުނަސް ފަރުވާލެއް ނެތެވެ. ރަނގަޅީ ވެސް އުޅުނިއްޔާއެވެ. ޝާހިރާ އެކު އޭނާ ވަގުތު ހޭދަކުރާ މަންޒަރު، މިއަދު ވެސް ފެނުނިއްޔާއެވެ. ހިތަށް އަސަރުކުރާނީ އޭރުންނެވެ.
ސަލީމާ ގޮސް މަންމަގެ ކޮޓަރީ ތަޅުގައި ހިފައިލިއެވެ. ހުރީ ތަޅުލާފައެވެ. އޭގެ މާނައަކީ މަންމަ ކޮޓަރީގައި އެބަ އުޅެއެވެ. ސަލީމާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. ވިސްނައިލިއެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ؟ ފަހަރެއްގައި މަންމަ ނިދާފައި އޮތީކަމަށް ވެސް ވެދާނެއެވެ. ބޭރަށް ނުދާ ދުވަހެއް ވިއްޔާ ހަވީރު ނިދިގަނޑެއް އަޅައިލުމަކީ މިހާރު ޖަމީލާގެ އާދައެކެވެ. ނިދައިފިއްޔާ ދެން ހޭލާނީ އިރުއޮއްސޭ ފަހުންނެވެ.
ފަހެއް ޖަހާއިރު ޝާހިރު އަންނާނެއެވެ. ފަހެއް ޖަހާކަށް ދެނެއް މާ ގިނަ ވަގުތެއް ނެތެވެ. އެހެންކަމުން ސަލީމާ ހިނގައިގަތީ ދޮރޯއްޓާ ދިމާއަށެވެ. އޭނާ ގޮސް ޝާހިރުގެ އިންތިޒާރުގައި މަޑުކޮށްލިތާ މާ ގިނައިރެއްނުވެ، ޝާހިރު އައިސް ސައިކަލުގައި މަޑުކޮށްލައިފިއެވެ. ޝާހިރު ފެނުމާ އެކު، ސަލީމާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.
“ހާދަ ދުވަހެއް ވެއްޖޭ ނުފެންނަތާ! މިއަދު އަދި މާ ރީތިހެން ހީވަނީ.” ޝާހިރު ސައިކަލުގައި އިންދާ ސަލީމާއަށް ގޮސް ހިފެހެއްޓުނީ ޝާހިރުގެ އަތުގައެވެ. އުޅޭންފެށި ގޮތުން ހީވަނީ ޝާހިރުގެ ގައިގައި އޮޅުލައިގަންނަން އުޅޭހެންނެވެ.
“އަދި އެހައި ދުވަހެއް ނުވެއެއްނު!”
“އެންމެ ހަފުތާއެއް ވެސް މަށަށްވީ އަހަރަކަށް. ހާދަ އިންތިޒާރެއް ކޮށްފީމޭ!”
“ހިނގާ ގެއަށް ވަންނަން!” ސަލީމާ މާ ބޮޑަށް އުނގުޅޭން ފެށުމުން ޝާހިރު ސައިކަލުން ފޭބިއެވެ.
“މަންމަ އެބަ އުޅޭ.” ސަލީމާގެ ދެ ލޯ ބޮޑުވިއެވެ.
“ކޮބާ މައްސަލައަކީ؟”
“މައްސަލައެއް ނެތް! އެކަމަކު މިއަދު ހިނގާ ދުއްވާލަން ދާން! މިހައި ދުވަސްކޮށްފައި ދިމާވީމަ….”
“ކީއްކުރަން ދުއްވާލަން ދަނީ؟ ގޭތެރޭ ތިބޭ އިރު މާ އަރާމެއްނު! ސޯފާގައި ޖައްސާލައިގެން ތިބޭއިރު.”
“އެކަމަކު ވެސް މިއަދު ހަމަ ދުއްވާލަން ދާހިތް ވަނީ. ދެން ހިނގާބަލަ!” ސަލީމާގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ. އެހެންނަމަވެސް އިރުއިރުކޮޅުން ދޮރާއްޓާ ދިމާއަށް ވެސް އޭނާ ކަޅިއެއް އެއްލައެވެ.
“ސައިކަލުގައި ޕެޓްރޯލެއް ވެސް ނެތޭ!” ޝާހިރު ބަހަނާއެއް ދެއްކިއެވެ.
“ހިނގާ ޕެޓްރޯލް އަޅަންދާން!” ވަގުތުން ސަލީމާ އެދުނެވެ. “ޕްޓްރޯލް އަޅައިގެން އަންނާނީ.” އަނެއްކާ ވެސް ޝާހިރުގެ އަތުގައި ސަލީމާ ހިފިއެވެ.
“ދެން މި ގަޑީގައި އެ ކަމާ އުޅޭނެކަމެއް ނެތް! ހިނގާ އެތެރެއަށް ވަންނަން!”
“ޕްލީޒް ޝާހިރު! ޝާހިރު ބޭނުން ކޮންމެ ކަމެއް ވެސް އަހަރެން ކޮށްދީފާނަން! ހިނގާ މިއަދު ބޭރަށް ދާން!” ޝާހިރާ އެކު އިންދާ މަންމައަށް ފެނިދާނެތީ ސަލީމާ ޖެހިލުން ވަނީއެވެ.
“ކީކޭ ތި ކިޔަނީ؟ ކިޔޭ އެއްޗެއް އެބަ އެނގޭތަ؟” ޝާހިރުގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ. “ސަލީމާގެ ފުށުން ކަމެއް ބޭނުންވެގެނެއް މަށެއް ނޫޅެމޭ!”
ޝާހިރު ހިތްހަމަނުޖެހުމުން ސަލީމާގެ ބަސް ހުއްޓުނެވެ. ހަރަކާތްތައް މަޑުޖެހުނެވެ. އޭނާއަށް ހުރެވުނީ ޝާހިރުގެ ދެ ލޮލަށް ކަޅި ހުއްޓާލައިގެންނެވެ.
“ސަލީމާ ތި އުޅޭގޮތުން ހީވަނީ ކަމެއް ސިއްރުކުރަން އުޅޭހެން. އަނެއްކާ އެހެން ބިޓެއް ހުންނަނީތަ؟”
“ނޫން! ހެޔޮނުވާނެ ތިހެން ހިތަށް އަރުވަން ވެސް. ޝާހިރު ހުއްޓާ އަހަރެން އެހެން މީހަކާ ވާހަކަ ވެސް ނުދައްކާނަން!”
“ދެން ކީއްވެތަ ގެއަށް ނުވަންނަން ތި ގަދަ ހަދަނީ؟ ކޮން ކަމަކާތަ ޖެހިލުންވަނީ؟”
“ޖެހިލުމެއް ނުވެއޭ! ހިނގާ ދާން!” ސަލީމާ ހިނގައިގަތީ ދޮރޯއްޓާ ދިމާއަށެވެ. އެހެން ގޮތެއް ނެތިގެންނެވެ. އެ ވެސް މަރެވެ. މި ވެސް މަރެވެ.
ސަލީމާއާއި ޝާހިރު ތިބީ ސިޓިން ރޫމުގައެވެ. ގާތްކަމާއި ލޯތްބާ އެކު ޝާހިރު ވާހަކަދައްކަން ފެށުމުން ސަލީމާގެ ހިތް ފުރިއްޖެއެވެ. ގޭގައި މަންމަ އުޅޭކަން ވެސް ހަނދާނުން ފިލައިފިއެވެ. އޭނާގެ ހުރިހައި ހިއްސެއް ޝާހިރަށް ގޮސް ހުސްވެއްޖެއެވެ. އޭނާ މަޑުމަޑުން ޝާހިރުގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ޝާހިރުގެ ކަނާތްތިލަ މަތީގައި އޭނާގެ ވާތްތިލަ ބާއްވައި، ދެ އަތްތިލައިގެ އިނގިލިތައް މަހައިލިއެވެ. ލިބުނު އުފަލާ އެކު ދެ ލޯ މަރައިލިއެވެ. ބުނާ ކަހަލައެވެ. ދެން ދުވަހަކު ވެސް ދެން ނުތެދުވާނަމެވެ. އުމުރަށް މި ގޮތުގައި އޮތަދޭށެވެ.
ޝާހިރަށް ކުއްލި ބަދަލެއް އަތުވެއްޖެއެވެ. ސަލީމާ ބޯ އަޅައިގެން އޮތް ކޮނޑު ތަޅުވާލައިފިއެވެ. އިޝާރާތެއް އައިހެން ހީވެގެން، ސަލީމާ ލޯ ހުޅުވައިލިއެވެ. ކިހިނެއްވީހޭ އަހައިލައި ކަހަލަ ގޮތަކަށް ޝާހިރުގެ މޫނާ ދިމާއަށް ގެންދިޔަ ނަޒަރުގައި ތަޅުއެޅުނީ، ކުރިމަތީގައި ހުރި ޖަމީލާ ފެނިފައެވެ. ބޮޑުވެފައި ހުރި ދެ ލޮލެވެ. ހުޅުފަޅައިގެންދާން ކައިރިވެފައި ހުރި މޫނެވެ.
ސަލީމާއަށް ތެޅިގެންފައި ފުންމައިގެން ތެދުވެވުނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހުރެފައި، އަވަސްއަވަހަށް ހިނގައިގަނެވިއްޖެއެވެ. ވަދެގެން ދެވުނީ އެތެރެއަށެވެ. އޭރު ޖަމީލާގެ ބޮޑުވެ ދުންއަރަމުން ދިޔަ ދެ ލޯ އަމާޒުވެފައި ހުރީ، ގޭތެރެއަށް ވަދެގެން ދިޔަ ސަލީމާއާ ދިމާއަށެވެ. ޖެހި ބާރުވެފައި ހުރި ދެ ދަތްޕިލައަކަށް އޭރުވެސް ދުލެއް ނުޖެހެއެވެ.
ސަލީމާ އެތެރެއަށް ވަދެގެން ދިޔުމުން، ޖަމީލާ ދެން ކަޅިއަޅައިގަތީ، ސޯފާގައި އިސްދަށަށް ޖަހައިގެން އިން ޝާހިރަށެވެ. ޝާހިރު އިސް އުފުލައިލީ، ޖަމީލާ ޖަހައިލި ފުއްޓަކީގެ އަޑަށެވެ. އެ ވަގުތު ޖަމީލާގެ އަތުގެ ހަރުކަށި އިޝާރާތުން އޭނާއަށް ދައްކައިލީ ގެއަށް ވަންނަން ހުރި ދޮރެވެ.
“ހަމަ މިހާރު މި ސިކުންތުގައި މިގޭން ނިކުމޭ!”
ޖަމީލާގެ ދެ ކާށިކިބަހެން ހުރި ދެ ލޮލަށް ބަލަހައްޓައިގެން އިނދެ ޝާހިރު ތެދުވިއެވެ. އަވަސް އަވަހަށް އެ ގެއިން ނުކުތުމަށް ޓަކައި ހިނގައިގަތެވެ.
“މަގޭ ދެ ލޮލުގައި އަނދުންއަޅުވާފަ ގަންނަ ގަނޑު ނިކަން ދެކެބަލަ! ކޮޓަރިއަށް ވަން ގޮތަށް ޖަމީލާ އެތިވަރު ގޮވަން ފެށިއެވެ. “މުސްކުޅިން ބުނެއެއްނު ވަގަކަށް ހާސް ދުވަހޭ، ވެރިއަކަށް އެއް ދުވަހޭ. ލަދެއް ހަޔާތެއް ނެތިގެން ތެޅޭއިރު، މިހަކާ އިންނަން ވަޢުދުވެގެން އުޅެވޭކަން ހަނދާން އެބަ ހުރިތަ؟ ހާދަހާ ގޮތެއް ނެތް އަންހެނަކަށް ވެއްޖެއޭ. ބޭނުންހައި ގޮތަކަށް އުޅޭ ދިމާނުކުރައްޗޭ!”
ޖަމީލާ ރުޅިއައިސްގެން ކެކެމުން ދިޔައިރު، ސަލީމާ ބަހަކުން ބަހެއް ނުބުނެ، އެނދުމަތީގައި ބަނޑުވަތަށް އޮތެވެ. އޭރު އޭނާގެ ނޭވާ ހުރީ އަވަސްވެ ކުރުވެފައެވެ.
“ވަރަށް ލަދު ވެސް ގަތް! އެކަމަކު މިހާރު ދެން ހުރިހައި ކަމެއްހެން ޔަޤީން ވެއްޖެ! ދިން ޚިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!” ޝާހިރާއި އޭނާގެ އެކުވެރި އާލިމް ތިބީ ކޮފީއެއްގައެވެ.
“ކޮން ކަމެއް ޔަޤީންވީ؟” ޝާހިރުގެ މޫނަށް ޢާލިމް ބަލައިލިއެވެ.
“މާއިޝާއަކީ ސަލީމާ އެ ބުނާ ކަހަލަ ކުއްޖެއް ނޫން! އެ ކަހަލަ ވިޔާނުދާ އެއް ވެސް ސިފައެއް އޭނާގެ ކިބަޔަކު ނެތް! ހަމަ ޔަޤީން!”
“ޝާހިރަށް ޔަޤީންތަ މާއިޝާއަކީ ސަލީމާގެ ކޮއްކޮއެއްކަން؟” އިރުކޮޅަކު އިނދެފައި ޢާލިމް އަހައިލިއެވެ.
“ތި ކަން ވެސް ޔަޤީންނެއް ނޫން! ބައެއް ފަހަރު ހިތް ބުނޭ އެއީ ވެސް އޭނާ ހަދައިގެން އުޅޭ ދޮގެކޭ!”
“އެ ކަން ވެސް ޔަގީން ކުރަންވީނު!”
“މައްސަލައަކީ މާއިޝާ ފޯނު ނުނަގާތީ. މިއަދު ވެސް ތިން ފަހަރު ގުޅައިފިން. އެކަމަކު ނުނަގާ. މަންމަގެ ނަންބަރުން ގުޅީމަ ނެގި. އެކަމަކު މަގޭ އަޑު ޖެހޭއިރަށް ކަނޑައިލީ!”
“ދެން އެހެންތާ ވާނީ. އެ މަންޖެގެ ކުރިމަތީގައި، އެހެން ކުއްޖަކާ އެކު، ފާޑުފާޑުގެ ޑްރާމާ ކުޅެފައި ދެން ގުޅިއަކަސް ނުނަގާނެ ދޯ!” ސަމާސާ ގޮތަކަށް އާލިމް ހީނލިއެވެ.
“ދެން ކިހިނެއްތަ ހަދާނީ؟ ކުރިން ވެސް ދިން ކަހަލަ މޮޅު އައިޑިއާއެއް ދީބަލަ!”
“މަށަށް ފެންނަނީ އަދިވެސް ގުޅަން.”
“ގުޅިއަސް ވާ ކަމެއް ނެތް!”
“މެސެޖް ވެސް ކޮށްބަލަ! ކޮންމެ ގޮތެއް ވިޔަސް، ދެން ޖެހޭނީ އެ މަންޖެއަށް ހަޤީޤަތް ކިޔައިދޭން!”
“އާލިމް ގުޅަންވީނު.”
“މަށެއް ނުގުޅާނަން!” އަވަސްއަވަހަށް އާލިމް ބުންޏެވެ.
“ދެން ގުޅާބަލަ!”
“މަ ކީކޭތަ ބުނާނީ ގުޅާފަ؟”
“ބުނާނީ މީ އާލިމޭ! ޝާހިރުގެ ރައްޓެއްސެކޭ!”
“ނުވާނެ ތި ކަމެއް!”
“ޕްލީޒް! ގުޅާބަލަ!”
“މަށާ ދިމާއަށް އެއްޗެހި ގޮވައިގެންފިއްޔާޔޯ!”
“ނުގޮވާނެ! އެ ކަހަލަ ކުއްޖެއް ނޫން އެއީ. ދެން ގުޅާބަލަ! ގުޅާފަ މި ކަން މި ހިނގައިދިޔަ ގޮތް އޭނާއަށް ކިޔައިދީބަލަ! އޭނަ މަ ދެކެ ރުޅި އަންނަން ޖެހުނު ސަބަބު ހޯދަން އަހަރެން ބޭނުންވަނީ.”
“ސަލީމާ ކޮންމެވެސް ދަންތުރައެއް ޖަހައިގެން ތި އުޅެނީ.”
“ރަނގަޅޭ! އޭނަ ކީކޭ ކިޔައިގެންތޯ ބަލަން އަހަރެން ބޭނުންވަނީ.”
ޝާހިރު ކުރު ނުކުރުމުން އެންމެ ފަހުން މާއިޝާގެ ނަންބަރަށް އާލިމް ގުޅައިފިއެވެ. ފޯނު ކަންފަތުގައި ޖައްސައިގެން އާލިމް އިން އިރު، ޝާހިރު އިނީ އާލިމްގެ މޫނަށް ކަޅި ހުއްޓާލައިގެންނެވެ. އޭރު އޭނާގެ ހިތް އޮތީ ތެޅިތެޅިއެވެ. ފޯނު ނަގާފައި މާއިޝާ ހަދާނީ ކިހިނެއް ބާވައެވެ؟ ޝާހިރުގެ ރައްޓެއްސެކަން އެނގުމުން ވާހަކަ ދައްކާނެ ބާވައެވެ؟
“ނުނަގާ!” ކަންފަތުން ފޯނު ނައްޓާލަމުން އާލިމް ބުންޏެވެ.
“އަދި ވެސް ގުޅާބަލަ!”
“ކަންތަކާ ޖެހުނީއޭ!”
އާލިމް އަނެއްކާ ވެސް ގުޅައިފިއެވެ. ޝާހިރަށް އިނދެވުނީ ހިތާހިތުން ދުޢާކޮށްލަކޮށްލައެވެ. ފޯނު ނަގާތޯއެވެ. މި ފަހަރު ވެސް ވީ ހަމަ އެ ވަރެވެ. ނުނެގިއެވެ. ޝާހިރު ބޭނުންވީ އަދި ވެސް އާލިމް ގާތުގައި ގުޅަން ބުނާށެވެ. އެހެންނަމަވެސް ބުނާކަށް ނުކެރުނެވެ. ޖެހުނީ އުއްމީދެއް ނެތް ގޮތަކަށް އިސްއިބައިލާށެވެ.
ކޮފީ ނިންމާލާފައި ތެދުވާން އުޅެނިކޮށް، އާލިމްގެ ފޯނަށް ކޯލެއް އަންނާން ފަށައިފިއެވެ. އާލިމް ފޯނު ނަގައި ބަލައިލިއެވެ.
“އޭތް! މި އޮތް ގުޅަނީ….” ޝާހިރަށް އާލިމް ފޯނު ދައްކައިލިއެވެ.
“އަވަހަށް ނަގާބަލަ!”
“ނަގާފަ ކީކޭތަ މަ ކިޔަންވީ؟”
“ބުނޭ ޝާހިރު ބުނެގެންނޭ މި ގުޅީ. އޭނަ ބުންޏޭ ވަރަށް ލޯބިވެއޭ.”
އާލިމް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހަލޯ!”
“ކޮން ބޭފުޅެއްތޯ؟” މާއިޝާގެ އަޑު ޝާހިރުގެ ކަންފަތުގައި ޖެހުނެވެ. “މި ފޯނަށް ގުޅާފަ އޮތީމަ…”
“މީ އާލިމް ކިޔާ މީހެއް! ގުޅައިލީ….”
“ނުދަންނަން!” މާއިޝާ ފޯނު ކަނޑައިލައިފިއެވެ. ދެން ގުޅައިގުޅައި ނުނެގިއެވެ.
ހަވީރުގެ ވަގުތެވެ. މާއިޝާ ހުރީ ކޮޓަރީގައެވެ. ފެންވަރައިގެން ރީތިވާށެވެ. ފަހަރަކު ކަމެއް ކުރަމުން ގޮސް، އޭނާ ބޭނުންވާ ފެންވަރަށް ތައްޔާރުވެލައިފިއެވެ. އެއަށްފަހު އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވައިލަމުން، ކޮޓަރިން ނިކުތުމަށް ޓަކައި ހިނގައިގެންފިއެވެ. އޭރު މާއިޝާގެ ޒުވާންކަމުގެ ފުރިހަމަކަން އެންމެ ޒުވާން ސޫރާގައި އައިސް އޭނާގެ މުޅި ހަށިގަނޑު ވަނީ ވަށައިލާފައެވެ. ފެންނަ މީހުންގެ ހިތްތަކަށް ލިބޭ ފަރުވާއަކަށް ނޫނީ އެ ރީތިކަން ނުވާނެއެވެ.
މާއިޝާ ކޮޓަރިން ނިކުތްއިރު، ސަލީމާ އިނީ ސިޓީންރޫމު ސޯފާގައެވެ. އޭނާގެ މޫނުމަތިން ފެންނާން ހުރީ މާޔޫސްކަމެވެ. މާއިޝާގެ އަލި މޫނު ފެނުމާ އެކު، ސަލީމާގެ ބަނަކަން ހިފާފައިވާ މޫނުމައްޗަށް ވެރިވިތަން ފެނުނީ ނަފުރަތެވެ. ފާޑަކަށް ތުން އަނބުރާލައިފައި އޭނާ މޫނު އަނެއް ފަރާތަށް އަނބުރައލިއެވެ. މި މަންޒަރުތައް މާއިޝާއަށް ފެނުނެވެ. އެހެންނަމަވެސް ފެނުނު ކަމަކަށް ނުހަދައެވެ. އެ ދިޔަ ގޮތަށް ގޮސް ދޮރޯށި ހުޅުވާލިއެވެ. އޭރު މަގުގެ އެއް ފަރާތުގައި އޮތް ކާރު އޭނާއަށް އިންތިޒާރު ކުރަނީއެވެ.
“ބައްޕަ ކޮބާ؟” ކާރުގެ ފަހަތު ޝީޓުގައި އިށީނދެ ހަމަޖެހިލަމުން، ކާރު ދުއްވަން އިން މީހާ ގާތުގައި މާއިޝާ އަހައިލިއެވެ. ކާރު ދުއްވަން އިނީ ފިހާރައިގެ މުވައްޒަފެކެވެ.
“ފިހާރައިގައި ވަރަށް ބިޒީކޮށް އުޅެނީ. ކޮން ތާކަށް ދާންވީ؟”
“ސިޓްރަންއަށް.”
ކާރު ދުއްވާލައިފިއެވެ. ދަބަހުގައި އޮތް ފޯނު ނަގައި، ވަރަށް ފަރިތަކަމާ އެކު އޭނާ ނަންބަރަކަށް ގުޅައިލިއެވެ. ފޯނު ކަންފަތުގައި ޖައްސާލިތާ ދިހަވަރަކަށް ސިކުންތުގެ ތެރޭގައި އެ ކޮޅުން ފޯނު ނަގައިފިއެވެ.
“ބައްޕާ! މި ދަނީ އިނގޭ ޕާޓީއަށް. މިހާރު ކާރުގައި މި އިނީ.” އިރުކޮޅަކު ބައްޕައާ ވާހަކަދައްކާލުމަށްފަހު މާއިޝާ ފޯނު ދަބަހަށްލިއެވެ.
ކާރު މަޑުކޮށްލުމާ އެކު މާއިޝާ އަވަސް އަވަހަށް ކާރުން ފައިބައިފިއެވެ. ދުއްވަން އިން މީހާއަށް ޝުކުރު އަދާކޮށްފައި އޭނާ ހަލުއި ފިޔަވަޅުތަކެއްގައި ގޮސް ސިޓްރަންއަށް ވަދެއްޖެއެވެ. އެ ތަނުގެ ފުރަތަމަ ފަންގިފިލާއަށް އެރި އިރު، އެ މާހައުލަށް ވެރިވެފައި ވަނީ އުފާވެރިކަމެވެ. ޖަހަމުން ދިޔަ މަޑުމަޑު މިޔުޒިކާ އެކު، ވާހަކަ ދެއްކުމާއި ހުނުމާއި ސަމާސާގެ އުފާވެރި އަޑުތައް ވަނީ އެ މާހައުލުގެ އެންމެ ޚާއްޞަ ބައިވެރިންނަށް ވެފައެވެ. މާއިޝާގެ ދެ ލޯ ހަރަކާތްކުރަމުން ދިޔައީ ދުންޔާގެ ސޫރަ ފެނޭތޯއެވެ. މިއަދަކީ ރީނާގެ ވަރަށް ޚާއްޞަ ދުވަހެކެވެ.
ޕާޓީއަށް އައިސް ތިބި ކުދިބަޔަކާ އޮލަ ވާހަކައެއްގައި ދުންޔާ ހުއްޓެވެ. ކްރީމް ކުލައިގެ ދިގު ހެދުމެއްގައި ރީނާ ފެންނަލެއް ވަރަށް ރީއްޗެވެ. އަޅާފައި ހުރި ބުރުގާއާއި ލައިފައި ހުރި ހެދުމާއި އަރައިގެން ހުރި ބޫޓާއި ކޮށްފައި ހުރި ލުއިލުއި މޭކަޕާއި މި ހުރިހައި އެއްޗެއް ދުންޔާއާ ވަރަށް ބޮޑަށް ގުޅެއެވެ. އެހެންކަމުން އޭނާ ފެންނަލެއް ވަރަށް ރީއްޗެވެ.
މާއިޝާ ފެނުމާ އެކު ދުންޔާ އަވަސް އަވަހަށް، މާއިޝާގެ ގާތަށް އަތުވެއްޖެއެވެ. އޭނާ އެ އައި ގޮތަށް އައިސް މާއިޝާގެ ގައިގައި ބައްދާލިއެވެ.
“ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން!” ގެނައި ހަދިޔާ ދުންޔާ އަތަށް ދެމުން އުފަން ދުވަހުގެ ތަހުނިޔާ ދުންޔާއަށް މާއިޝާ ކިޔެވެ.
“ހިނގާ އަވަހަށް އިށީންނަން. އެންމެން އެބަ ތިބި އެކޮޅުގަ.” މާއިޝާއަށް ޝުކުރު އަދާކޮށްފައި، އޭނާ ގޮވައިގެން ދުންޔާ ހިނގައިގަތީ ކުލާސް ކުދިން ތިބި ދިމާއަށެވެ.
“އޭތް، މާއީ. ހާދަ ލަހުން ތި އައީ؟ މިހާރު އެހެރަ ފަހެއް ޖަހަނީ.” މާއިޝާ ފެނުމާ އެކު ރީނާޝަކުވާ ކުރާން ފެށިއެވެ.
“ޓްރެފިކް ވަރަށް ބޮޑު. އެހެންވެ ލަސްވީ.”
“ތަނަކަށް ލަހުން އާދެވިއްޖެއްޔާ ދޮންބެ ވެސް ދައްކާނީ ހަމަ ތި އުޒުރު.” ހިނިތުންވެލަމުން މާއިޝާއާ ދިމާއަށް ދުންޔާ ބަލައިލިއެވެ. “އަނެއްކާ ދޮންބެ ގާތުން މާއިޝާ ދަސްކުރި ޖަވާބެއްތަ ތީ؟”
“ކޮން ދޮންބެއެއްގެ ވާހަކައެއް މިހާރު ތި ފެށީ؟” ޝައިފާ ހުރީ ވާނުވާ ނޭނގިފައެވެ.
“މި ދައްކަނީ މަގޭ ދޮންބެގެ ވާހަކަ. މިހާރު އެބަ އާދޭ.” ދުންޔާގެ މަންމަ ގޮވައިލުމުން އޭނާ މަންމަ ގާތަށް ދިޔުމަށް ޓަކައި ހިނގައިގަތެވެ.
“ހިނގާ އެއްޗެއް ކާން އުޅޭމާ!” މާއިޝާގެ އަތުގައި ހިފައިގެން ޝައިފާ ހިނގައިގަތެވެ. ފަހަތުން ރީނާ ވެސް ހިނގައިގަތެވެ.
ތައްޓަށް ހެދިކާ އަޅައިގެން އައިސް މޭޒެއް ކާރީގައި އެ ކުދިން ޖައްސާލިއެވެ. މަޖާ ވާހަކަގައި ތިބެ ކަމުން ގެންދިޔައެވެ.
“އޭތް! މިހިރީ މަގޭ ދޮންބެ!” ދުންޔާގެ އަޑަށް އެންމެން އެ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު މާއިޝާ ދިޔައީ ސިއްސައިގެންނެވެ. ދެ ލޯ ބޮޑުވިއެވެ. މީހާ ކުއްލިއަކަށް ގަނޑުވި ކަހަލައެވެ. ދުންޔާގެ އަތުގައި ހިފާލައިގެން ހުރި ޝާހިރު ފެނިފައެވެ. ޝާހިރަށް ވެސް މާއިޝާ ފެނުމުން ވީ ހަމަ އެ ކަހަލަ ގޮތެކެވެ. ހުއްޓުންއެރީއެވެ. އިއްތިފާޤުން ނަމަވެސް މި ކަހަލަ ގޮތެއް ވެދާނޭ ކަމަކަށް އެ ދެ މީހުން ކުރެ އެކަކު ވެސް ހިޔެއް ނުކުރެއެވެ.
“އޭތް! އޭތް! ކިހިނެއްވެފައި ތި ތިބީ؟”
ޝާހިރާއި މާއިޝާ ހުއްޓުންއަރާފައި ތިބިތަން ފެނިފައި، ދުންޔާ ބާރަށް ހޭންފެށިއެވެ. ދުންޔާގެ އަޑަށް އެ ދެ މީހުން ވެސް ސިހުނެވެ. މާއިޝާ ގަތީ ލަދެވެ. ޝާހިރަށް ވެސް އިސްއޮބައިލެވުނެވެ.
“ތިހެން ތިބީމަ ހީވަނީ މާ ކުރީގެ ދެ ރައްޓެހިންހެން. އަނެއްކާ ކަމެއްތަ؟” ދުންޔާ އަދި ވެސް ހަނީއެވެ. “ސާބަހޭ! ދެން ވެސް އަވަހަށް ސަލާންކޮށްލަބަލަ! މީ މަގޭ ދޮންބެ، ޝާހިރު! މީ މާއިޝާ!” ދުންޔާ ހެމުންހެމުން ދެ މީހުން ދެ މީހުންނަށް ތަޢާރަފުކޮށްދިނެވެ.
ދުންޔާއަކީ ކުލާހުގައި ވެސް އަނގައައިގެން ސަލާމަތް ނުވެފައި ހުންނަ ކުއްޖެކެވެ. ސަކަރާތުގެ ބޮޑެކެވެ. ޖެއްސުންކުރުމާއި ދިމާކުރުމުގެ ލާމަސީލު މިސާލެކެވެ. މި ތަނުން އޭނާގެ ހަރަކާތްތައް ފެންނަމުން އެ ދަނީ އެ ގޮތަށެވެ.
ޝާހިރު ހިނިއައިސްފައި ހުރެ، މާއިޝާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. މާއިޝާއަށް ވެސް މަޖުބޫރުވީ އަތް އުފުލައިލާށެވެ. ސަލާންކޮށްލާށެވެ. އެހެންނަމަވެސް އެ އަތް ފިސާރި ބަރެވެ. ހަންދަރަކަށް ވުރެ ވެސް ބަރެވެ. އޭނާ ވަރަށް ހިތްވަރުކޮށްފައި، ޝާހިރާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އަތްތިލައިގައި ޝާހިރު ހިފައިލިއެވެ. އެ އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެނެނެވެ. ޝާހިރު މަޑުމަޑުން އަތްތިލައަށް ފިތައިލިއެވެ.
ދުންޔާ ފަހަރަކު ކުއްޖަކަށް ޝާހިރު ތަޢާރަފުކޮށްދިނެވެ. ޝާހިރު އެ ހުރިހައި ކުދިންނާ ވެސް ސަލާންކުރިއެވެ. އެހެންނަމަވެސް އޭނާގެ ހިތާއި ރޫޙު ގުޅިފައި ހުރީ، މާއިޝާއާއެވެ. އޭނާއަށް ބެލެނީ މާއިޝާއާ ދިމާއަށެވެ. ބައެއް ފަހަރު ވައްކަޅިންނެވެ. ބައެއް ފަހަރު ސީދާ ނަޒަރުންނެވެ.
ތަށްޓަށް ހެދިކާ އަޅައިގެން ޝާހިރާއި އާލިމް ގޮސް ޖައްސާލީ، މާއިޝާއާ ކުރިމަތިވާ ގޮތަށް އެހެން މޭޒެއްގެ ދޮށުގައެވެ. މޭޒުދޮށުގައި އިން އިރު ޝާހިރަށް އަބަދުވެސް ބެލެނީ މާއިޝާއާ ދިމާއަށެވެ. މާއިޝާ ވެސް އިރުއިރުކޮޅުން އޭނާއާ ދިމާއަށް ބަލައިލައެވެ. ޕާޓީތެރޭގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އެ ދެ ކުދިން ކުރެ ކުއްޖަކަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.
މާއިޝާގެ އަތް ދަބަހުގައި އޮތް ފޯނަށް ކޯލެއް އަންނާން ފަށައިފިއެވެ. މާއިޝާ އަވަސް އަވަހަށް ފޯނު ނަގައިފިއެވެ. ނަންބަރަށް ބަލައިލުމަށް ފަހު އޭނާއަށް ބަލައިލެވުނީ ކުރިމަތީގައި އިން ޝާހިރާ ދިމާއަށެވެ. އޭރު ޝާހިރުގެ އަތުގައި ވެސް ފޯނު އޮތެވެ. އާލިމެއް އެ ތާކު ނެތެވެ.
މާއިޝާ ބަލައިލުމުން ބޮލުގެ އިޝާރާތުން ޝާހިރު އެދުނީ ފޯނު ނެގުމަށެވެ. އެހެންނަމަވެސް އެ ފަދަ ހިތްވަރެއް މާއިޝާއަކަށް ނުލިބުނެވެ. އޭނާއަށް ފޯނަން ބަލަހައްޓައިގެން އިނދެވުނީއެވެ. އެހެން އިންދާ ފޯނު ކެނޑިއްޖެއެވެ.
ފޯނު ކެނޑުމުން މާއިޝާއަށް އަނެއްކާވެސް ބަލައިލެވުނީ ޝާހިރާ ދިމާއަށެވެ. އޭރު ޝާހިރު އަނެއްކާ ވެސް ގުޅަނީއެވެ. އޭނާ އާދޭހުގެ ހަރަކާތަކާ އެކު ފޯނު ނަގަން މާއިޝާގެ ކިބައިން އެދުނެވެ. މާއިޝާ ވަރަށް ހިތްވަރުކޮށްފައި ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ޝާހިރު ބުންނަ އުޅޭ އެއްޗެއް އަހައިލަން ބޭނުންވަނީ ކަންނޭނގެއެވެ.
“އިއްތިފާޤުން ނަމަވެސް މާއިއާ ބައްދަލުވުމުން ވަރަށް އުފާވެއްޖެ! އަދި ކޮއްކޮގެ ރައްޓެއްސެއްކަން އެނގުނީމާ މާ ބޮޑަށް ވެސް އުފާވެއްޖެ! މާއިއާ ދައްކާލަން ވެފައި ހުރި ވަރަށް ގިނަ ވާހަކަ އެބަހުރި. މި ރޭ އަށްގަޑި ބައިގައި އަހަރެން ގުޅާނަން! ދައްތަ އަތަށް ފޯނު ދިނުމުގެ ބަދަލުގައި މާއި ފޯނު ނަގާނެކަމަށް އުއްމީދުކުރަން.” މާއިޝާއަށް އެއްޗެއް ބުނުމުގެ ފުރުސަތުނުދީ ޝާހިރު ފޯނު ކަނޑައިލިއެވެ.
އެންމެ ފަހުން ބުނި ޖުމުލައަކީ ޝާހިރު ހަމަ ގަސްދުގައި ބުނި ޖުމުލައެކެވެ. އެ ކަމުގައި ހަގީގަތެއް އޮތް ނަމަ މާއިޝާއަށް މެސެޖެއް ދޭށެވެ. ނޫން ނަމަ އެ ހިތުގައި ސުވާލު އުފައްދާށެވެ. މާއިޝާގެ ހިތުގައި އުފެދުނީ ސުވާލެކެވެ. ޝާހިރު އެ ބުނީ ކީކޭ ބާވައެވެ؟ ކޮން ދައްތައެއްގެ ވާހަކައެއް ބާވައެވެ؟ ކޮންމެވެސް އޮޅުމެއް އެބަ އުޅެއެވެ. މާއިޝާއަށް އިނދެވުނީ އެ ކަމާ ވިސްނާށެވެ.
ޕާޓީ ނިންމާފައި މާއިޝާއަށް ނިކުމެވުނު އިރު، ހަތެއް ޖަހައި ބޮޑުވެއްޖެއެވެ. އޭގެ މާ ކުރިން ޝާހިރު ހިނގައްޖެއެވެ. ޝާހިރު ދިޔައީ އެ ގުރޫޕުގެ ހުރިހައި ކުދިންނާ ސަލާންކޮށްފައެވެ. އެންމެ ފަހުން ސަލާންކުރީ މާއިޝާއާއެވެ.
“މި އަތުން ދޫކޮށްލާ ހިތެއް ނުވޭ!”
ވައި އަޑުން ކަހަލަ ގޮތަކަށް މާއިޝާ ބުނެލި ޖުމުލަ، މާއިޝާގެ ކަންފަތާ ހަމައަށް ފޯރުމާ އެކު އޭނާގެ މޫނުމަތީގައި ޖަންބުކުލަ ހިފައިލިތަން ޝާހިރަށް ފެނުނެވެ. ޝާހިރުގެ ހިތުގައި އުފާވެރިކަމުގެ މިޔުޒިކެއް ކުޅެލިއެވެ.
މާއިޝާ ބޭރަށް ނިކުމެ ބައްޕައަށް ގުޅަން ބަލައިލިއިރު، ފޯނު އޮތީ ނިވިފައެވެ. މާއިޝާ ކަންބޮޑުވިއެވެ. މިހާރު ލަސްވެގެން ބައްޕަ ނުގުޅާކަމެއް ވެސް ނޭނގެއެވެ. އެހެންކަމުން މާއިޝާ ބޭނުންވީ، އެ ތަނުން ކުއްޖެއްގެ ފޯނުން ބައްޕައަށް ގުޅާށެވެ. ކާރު ގެނެވޭނީ ވެސް ގުޅައިގެންނެވެ.
“މި ރޭ ދެން ކާރު ގެންނާނެ ކަމެއް ނެތް! އަހަރެމެންނާ އެކު ހިނގާފައި ދާނީ. އޭރު މާ މަޖާވާނެ!” މާއިޝާގެ އަތުގައި ހިފައިގެން ޝައިފާ ހިނގައިގަތެވެ.
މާއިޝާއަށް ޖެހުނީ އެ ކުދިންނާ އެކު ހިނގައިގަންނާށެވެ. ބަހަނާއެއް ދައްކާކަށް ނުކެރުނެވެ. ޝައިފާ ވެސް ދާނީ މާފަންނަށެވެ. އެހެންކަމުން ބައްޕައަށް ގުޅާފައި އެ ވާހަކަ ބުންޏެވެ. ފޯނު ނިވިފައި އޮތް ވާހަކައާއި އެ ކުދިންނާ އެކު ގެއަށް ދާ ވާހަކައެވެ.
ޕާޓީތެރޭގައި މަޖާނެގިޔަސް، މަގުމަތީގައި އެ ކުދިން ސަކަރާތެއް ނުޖަހައެވެ. ވާހަކަ ދައްކަމުން ދިޔައީ މަޑުންނެވެ. އަމީރުއަހުމަދު މަގުން ހުޅަނގަށް ގޮސް، ޗާނދަނީ މަގުން ދެކުނަށް ލަނބާލައިގެން ގޮސް ހަނި ގޯޅިއަކަށް އެޅިތަނާ، މާއިޝާގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ފެނުނު މޫނެއްގެ ސަބަބުންނެވެ. ބުރުގާ އަޅައިފައި ހުރި ނަމަވެސް، އެ މޫނު ދެނެގަންނާކަށް މާއިޝާއަކަށް ދައްޗެއް ނުވިއެވެ.
“ޝާދިޔާ ދައްތާ!”
މީހަކު ގޮވައިލި އަޑަށް ޝާދިޔާ އެނބުރި ބަލައިލިއެވެ. ފުރަތަމަ ޝާދިޔާގެ މޫނުމަތިން ފެނުނީ ބީރައްޓެހިކަމެވެ. އެހެންނަމަވެސް ދެތިން ހަތަރު ސިކުންތެއްގެ ތެރޭގައި، އެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ބީރައްޓެހިކަން ފިލައި، އުފާވެރި ހިނިތުންވުމެއް މޫނުމައްޗަށް ފެތުރިގެން ހިނގައްޖެއެވެ. އެ ހިނިތުންވުމާ އަތުގުޅައިލީ، ދެ މިތުރުންކަމަށްވާ އޯގާވެރިކަމާއި ހަމްދަރުދީއެވެ.
“ދަރިފުޅާ ދޫންޏާ!” ދެ ފަޔަށް ލެވުނުހައި ބާރެއް ލައިފައި ޝާދިޔާ އައިސް މާއިޝާގެ ގައިގައި އޮޅުލައިގަތެވެ. އޭރު ޝާދިޔާގެ ދެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އިސާހިތަކު އެ ކަރުނަތައް ކޯތާފަތްމަށްޗަށް އޮހިގެންފިއެވެ. މާއިޝާއަށް ވެސް ވީ ހަމަ އެ ވަރެވެ. ޝާދިޔާއަށް ރޮވުމާ އެކު ރޮވުނީއެވެ. އޭރު އެ ތަނުގައި ތިބީ ޝައިފާއާއި ތާނީއެވެ. އެހެންކުދިން އެކި ފަހަރު އެކި މަގުން ވަނީ ވަކިވެފައެވެ. އެ ދެ ކުދިން ތިބީ ވާނުވާ ނޭނގި، ސުވާލުމާކެއްގެ ތެރޭގައެވެ.
“ހާދަ ދުވަހެކޭ ދަރިފުޅު ދަރިފުޅު ދެކިލާހިތުން އުޅޭތާ!” މާއިޝާގެ މޫނަށް ބަލައިލަމުން ޝާދިޔާ ދެ ލޯ ފޮހެލިއެވެ. އޭނާއަށް އެއްޗެއް ބުނެވޭވަރުވީ މިނެޓެއްހައި އިރު ފަހުންނެވެ. އޭރު ވެސް އޭނާގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. “ދަރުފުޅުގެ ހާލު ކިހިނެއް؟”
“އަލްހަމްދުލިﷲ! ޝާދިޔާ ދައްތަގެ ހާލު ރަނގަޅުތަ؟”
“އާނ! ކޮންތާކަށް ތި ދަނީ؟”
“ގެއަށް މި ދަނީ. ހިނގާ ޝާދިޔާ ދައްތަ ވެސް އަހަންނާ އެކު ގެއަށް ދާން!” ޝާދިޔާގެ އަތުން ދޫކޮށްލާކަށް މާއިޝާ ބޭނުމެއް ނުވެއެވެ.
“ނޫން!” ޝާދިޔާ ވަގުތުން ބޯ ހަލުވައިލިއއެވެ. “ދައްތައަކަށް ނުކެރޭނެ ތި ގެއަށް ދާކަށް! ދައްތައަށް ދާން ކެރޭ ނަމަ، މިހައި ދުވަސްވިއިރު ދަރިފުޅު ގާތަށް ނުގޮހެއް ނުހުރީސް! ދަރިފުޅު މަތިން ދައްތަ ހާދަ ހަނދާންވެޔޭ!” މާއިޝާގެ ގައިގައި ޝާދިޔާ އަނެއްކާ ވެސް ބައްދާލިއެވެ. އެއާއެކު އޭނާގެ ދެ ލޮލަށް ކަރުނައިގެ ތިކިތައް ޖަމާވާން ފެށިއެވެ.
“ޝާދިޔާ ދައްތަ ތި ދަނީ ކޮންތާކަށް!”
“ދައްތަ ވެސް މި ދަނީ ގެއަށް ދާން! މިތާ ވަރަށް ކައިރީގައި ދައްތަ މި އުޅެނީ.”
އެހައި ދުވަސްކޮށްފައި ދިމާވުމުން، ޝާދިޔާ ދޫކޮށްލާފައި އެހައި އަވަހަށް ދާހިތެއް މާއިޝާ ނުވިއެވެ. އެހެންކަމުން ޝައިފާމެން ގާތު ބުނެފައި، މާއިޝާ ހިނގައިގަތީ ޝާދިޔާއާ އެކު އެ ގެއަށް ދިޔުމަށެވެ. މާއިޝާ ގޮވައިގެން ޝާދިޔާ ދިޔަ އިރު، ހީވަނީ ތުއްތު ކުއްޖަކު ގޮވައިގެން ޝާދިޔާ ދާ ހެންނެވެ. މާއިޝާ ވެސް ޝާދިޔާގެ އަތުގައި ހިފާލައިގެން ހުރީ، މަޔަކުދެކެ އިންތިހާއަށް ލޯބިވާ ދަރިއަކު، މަންމަގެ އަތުގައި ހިފާލައިގެން ހުނާނޭ ފަދަ ގޮތަކަށެވެ.
“ދަރިފުޅު މިހާރު ހާދަ ބޮޑުވެއްޖޭ! ފުރަތަމަ ފެނުނު ވަގުތު ދައްތައަށް ނުވެސް އެނގުނު.”
“ޝާދިޔާ ދައްތަ ހަމަ ފެންނަ އިރަށް މަށަށް އެނގިއްޖެ. ބުރުގާ އަޅާފައި ހުއްޓަސް، އެއްވެސް ބަދަލެއް ނާދޭ! ތަންކޮޅެއް ކުރިން ވެސް އެއް ރެއަކު ޝާދިޔާ ދައްތަ ފެނުނު.”
“އެހެންތަ؟” މާއިޝާގެ މޫނަށް ޝާދިޔާ ބަލައިލިއެވެ. “ދެން ކީއްވެ ދައްތައަށް ގޮވާނުލީ؟”
އެ ރޭ ކަން ވީ ގޮތް މާއިޝާ ކިޔައި ދިނެވެ. ޝާދިޔާ ދައްތަ ވަން ގެއެއް ނޭނގުނު ވާހަކައާއި ފަހުން ވެސް ފެނޭތޯ އެތައް އިރަކު މަޑުކޮށްގެން ހުރި ވާހަކައެވެ.
“ގޭތެރޭގެ ކަންތައްތައް މިހާރު ކިހިނެއް؟ ދޮންމަންމައާއި ސަލީމާ ރަނގަޅުތަ؟” ތަންކޮޅަކަށް ގޮސްފައި ޝާދިޔާ އަހައިލިއެވެ.
“ގެއަށް ގޮސް ތި ވާހަކަ ދައްކާނީ.”
އެ ރޭ ގެއަށް ގޮސް ޝާދިޔާގެ ކޮޓަރީގައި އިނދެ، ހުރިހައި ވާހަކައެއް ޝާދިޔާއަށް މާއިޝާ ކިޔައިދިނެވެ. ދޮންމަންމައާއި ސަލީމާ ކަންތައްކުރާ ގޮތުގެ ވާހަކަތަކެވެ. ޝަކުވާގެ ގޮތުގައެއް ނޫނެވެ. ނެތި ނުބައި ކިޔުމުގެ ރާގަކު ވެސް ނޫނެވެ. ހިތަށް ލުޔެއް ލިބޭތޯއެވެ. އެ ހުރިހައި ކަމެއް ހިތުގައި ފުނިފުންޏަށް ވަޅުލައިގެން އޭނާ އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟ ކުލާސް ކުއްޖެއްގެ ގާތުގައި ވެސް އެއިން ވާހަކައެއް އޭނާ ނުދައްކައެވެ.
ޝާދިޔާގެ ކޮނޑުގައި ބޯ ޖަހައިގެން އޮވެ، އެ ރޭ ވަރަށް ގިނަ އިރު މާއިޝާ ރުޔެވެ. ގޭތެރޭގައި އޭނާއަށް ކުރާންޖެހޭ ހިތްދަތި ތަޖުރިބާތަކުގެ ސަބަބުންނެވެ. ލޯބިވާ މަންމަގެ ހަނދާނުގައި ވެސް އެތައް ކަރުނައެއް އޭނާ އޮހޮރިއެވެ. ޝާދިޔާ އިނީ އޭނާއަށް އެ ފުރުސަތު ފަހިކޮށްދީގެންނެވެ. އެ ދެ ލޮލުން ބޭރުވާ ކޮންމެ ކަރުނަ ތިއްކަކީ ވެސް އެ ހިތަށް ލިބޭނެ ފަރުވާއެއްކަން އެނގޭތީއެވެ. އެ ފަދަ ގޮތަކަށް ރޯލާނެ ފުރުސަތެއް އެ ކުއްޖާއަށް މިހާރު ނުލިބޭނެކަން ވެސް އެނގޭތީއެވެ.
“ދަރިފުޅު ދެން ގެއަށް ދާންވާނީ ކައިގެން.” މާއިޝާ ހަމައަކަށް އެޅުމުން، ބުރަކަށީގައި ލޯބިން ފިރުމާލައިފައި ޝާދިޔާ ބުންޏެވެ.
ކާން އިނދެފައި ޝާހިރުގެ ވާހަކަ ވެސް ޝާދިޔާއާ މާއިޝާ ހިއްސާކުރިއެވެ. އެކަން ފެށުނު ގޮތުން ފެށިގެން މި ރެއާ ހަމައަށް ކަންތައްތައް ހިނގައިދިޔަ ގޮތުގެ ވާހަކައެވެ. އެ ވާހަކަތައް އަޑުއަހާފައި ޝާދިޔާއަށް ފެންނަ ލަފާ ޝާދިޔާ ދިނެވެ. މާއިޝާ އެ ލަފާ ގަބޫލު ވެސް ކުރިއެވެ.
“މި ރޭ އަށްގަޑި ބައިގައި އޭނަ ގުޅާނަމޭ ބުނި. އެކަމަކު ފޯނު ވެސް މި އޮތީ ނިވިފަ.” އެ ވާހަކައިގެ ތެރެއިން މާއިޝާގެ ހަނދާނަށް އައެވެ. “އަނެއްކާ ގަޑިން މިހާރު ކިހައި އިރެއް؟” މާއިޝާއަށް އަވަސްއަވަހަށް ގަޑިއަށް ބަލައިލެވުނެވެ. އޭރު އަށްގަޑި ބައިވާން ހުރީ ދިހަވަރަކަށް މިނެޓެވެ.
ބަރާބަރު އަށްގަޑި ބައިގައި ޝާހިރު ގުޅިއެވެ. މާއިޝާގެ ފޯނު އޮތީ ނިވިފައެވެ. ނޫނީ ނިވާލާފައެވެ. ދެތިން ފަހަރަކު ގުޅުމަށްފަހު، ޝާހިރު ގަސްދުކުރީ އެ ގޭ ދޮށަށްދާށެވެ. މި ރޭ މާއިޝާއާ ދިމާވުމުން، އޭނާގެ ހިތުގައި މާއިޝާގެ ހަނދާންތަކާއި ޚިޔާލުތައް އަންނަނީ އުތުރި އަރަމުންނެވެ. އެހެންކަމުން ވަގުތު ބޭކާރުކޮށް ނުލައި އޭނާ ނައްޓާލިއެވެ. މާއިޝާއާ ބައްދަލުވެދާނޭ ކަމުގެ މާ ބޮޑު އުއްމީދެއް އޮވެގެނެއް ނޫނެވެ.
ހަލުއި ދުވެއްޔެއްގައި ގޮސް އެ ގޭ ދޮރާށިދޮށަށް ޝާހިރު މަޑުކޮށްލިއެވެ. ދޮރާށިދޮށް އޮތީ ފަޅަށެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ޝާހިރުގެ ހިތަށް ވެރިވި މާޔޫސްކަން ވަކިން ބޮޑުވިއެވެ. މި ރޭ އޭނާ ވަރަށް ފޮނި އުއްމީދުތަކެއް ކުރިއެވެ. އެހެންނަމަވެސް އެ ހުރިހައި އުއްމީދެއް މި ދިޔައީ ފެނަށެވެ. ފޯނަކުން ނުގުޅުނެވެ. ދިމާވާ ގޮތެއް ވެސް ނުވިއެވެ.
ހަދާނޭ ގޮތަކާ މެދު އެކި ގޮތްގޮތަށް ވިސްނުމަށްފަހު، އޭނާ ނިންމީ ދޮރޯށި ހުޅުވައިލާށެވެ. އެތެރެއަށް ބަލައިލާށެވެ. ފަހަރެއްގައި މާއިޝާ ފެނިދާނެއެވެ. ކުޑަމިނުން ހިޔަނި ފެނުނަސް އޭނާގެ އުދާސްވަމުން އަންނަ ހިތަށް ފިނިކަމެއް ލިބޭނެއެވެ. އެހެންކަމުން އޭނާ ސައިކަލު ބަހައްޓާފައި، ދޮރޯއްޓާ ދިމާއަށް ހިނގައިގަތެވެ. އެހެންނަމަވެސް އެ ވިސްނުމުގައި އޭނާއަށް އެޅުނީ ދެތިން ފިޔަވަޅެކެވެ. ވިސްނުން ބަދަލުވެއްޖެއެވެ. ކުރީ ރޭގެ ހަނދާންތައް އެ މަގަށް ހުރަސް އަޅައިފިއެވެ. މަންމައަށް ފެނިއްޖެއްޔާ ފަހައި ދުއްވައިގަންނާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. އަނެއް ކޮޅުން ސަލީމާއަށް ފެނުނަސް…..”
އުއްމީދެއް ނެތް ގޮތަކަށް މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލައިގެން ޝާހިރު ހުއްޓެވެ. އިރުއިރުކޮޅުން މާއިޝާގެ ފޯނަށް ގުޅައިލެވެއެވެ. އެހެންނަމަވެސް ނުގުޅެއެވެ. އެންމެ ފަހުން އޭނާ ގަސްތުކުރީ ގޭ ނަންބަރަށް ގުޅާށެވެ. ކުރިން ވެސް އެ ޚިޔާލު އާދެއެވެ. އެހެންނަމަވެސް ނުގުޅީ ސަބަބެއް އޮވެގެންނެވެ. ގުޅާތަނުން ސަލީމާ ނަގައިފިއްޔާ އަނެއްކާ އަނެއްކަންތަކާ ޖެހޭނީ ކުރިމަތިލާށެވެ. މި ރޭ ވެސް ތިންހަތަރު ފަހަރު އޭނާ ގުޅައިފިއެވެ. ޝާހިރު ފޯނެއް ނުނަގައެވެ.
ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ޝާހިރު ނިންމީ ގޭ ފޯނަށް ގުޅާށެވެ. ރަނގަޅު ގޮތެއް ވެއްޖިއްޔާ ކިތަންމެހައި ވެސް ރަނގަޅެވެ.
ދެވަނަ ރިންގާ އެކު ކޮންމެވެސް މީހަކު ފޯނު ނަގައިފިއެވެ. ޝާހިރުގެ ކަންފަތުގައި އަޑު ޖެހުމާ އެކު، އެއީ ސަލީމާގެ އަޑުކަން ކަށަވަރުވިއެވެ. ޝާހިރު ވަގުތުން ފޯނު ކަނޑާލައިފިއެވެ. ހިތަށް އެރިއެވެ. ހަތަރެސްކަން ހަމަވީއެވެ. ގުޅީ ޝާހިރުކަން އޭނާއަށް އެނގޭނެއެވެ.
ގިނަ އިރެއް ނުވެއެވެ. ޝާހިރުގެ ފޯނަށް ސަލީމާ ގުޅައިފިއެވެ. ޝާހިރު ނުނެގިއެވެ. ހިތް ބުނީ އަވަހަށް މި ތަނުން ނައްޓާލުމަށެވެ. އެހެން ހުއްޓާ އޭނާ ނިކުމެވެސް ދާނެއެވެ. ފެނިއްޖެއްޔާ އައްޓަންމަހަކަށް ދުލެއް ނުކުރާނެއެވެ.
ހިތުގެ އެދުމަށް ތަބާނުވެވި ހުއްޓާ، ކުއްލިއަކަށް އެ ގޭ ދޮރޯށި ހުޅުވިއްޖެއެވެ. ޝާހިރަށް ސިހިފައި ބަލައިލެވުނެވެ. ފެނުނީ ދެކެން އެންމެ ބޭނުންނުވާ މޫނެވެ. ޝާހިރު ފެނުމާ އެކު ސަލީމާ ހެވި ދިލުނެވެ. ފުރަތަމަ ވެސް ބަލައިލީ އެތެރެއަށެވެ. އެއަށްފަހު މަޑުމަޑުން ދޮރޯށި ލައްޕާފައި، ޝާހިރާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ހަރަކާތްތަކުން ފެނުނީ ވަގުކަމެވެ.
“މަގޭ ހިތް ކިހައި ސީދާ. ހިތަށް އެރި ޝާހިރު އައީއޭ.” ސަލީމާ ހުރީ އުފަލުން ފުރިފައެވެ. “ހާދަ ވަރަކަށް މި ރޭ ގުޅީމޭ! ސަޕްރައިޒް ދޭންވެގެން ދޯ ނުނަގާ ތި އައީ؟” ޝާހިރުގެ އަތުގައި ސަލީމާ ހިފައިލީ ދޫކޮށްނުލާން ހިފައިލި ކަހަލަ ގޮތަކަށެވެ.
ޝާހިރުގެ މޫޑެއް ނެތެވެ. ހިތަށް ވެރިވެފައި ހުރި މާޔޫސްކަން ފޫހިކަމަށް ބަދަލުވެ، މީހާ މުޅިން އަވަދިކޮށްލައިފިއެވެ. ސަލީމާ އައިސް އުޅޭންފެށި ގޮތުން ބޮލަށް ތުރާވާން ފަށައިފިއެވެ.
“މިތާ ތިއްބާ މިރޭ ވެސް އަނެއްކާ މަންމައަށް ފެނިދާނެ. ހިނގާ އެހެންތާކަށް ދާން! ނޫނީ ދުއްވާލަން ދާންވީނު!” ޝާހިރުގެ ގައިގައި މާއިޝާ ތަތްވެގަތެވެ.
“މާއިޝާ ކޮބާ؟”
ޝާހިރު ކުރި ސުވާލާ އެކު ސަލީމާގެ ހަރަކާތްތަކަށާއި ހަށިގަނޑަށް ކުއްލި ހުއްޓުމެއް އެރިއެވެ. އެހެންނަމަވެސް އެއިން ކަމެއް ޝާހިރަށް އެނގޭކަށް ސަލީމާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާ ވަގުތުން ހަމަޖެހިލިއެވެ. ލިބުނު ފުރުސަތުގައި އޭނާ ބެލީ ނުބައެއް ހަދައިލެވޭތޯއެވެ.
“ކީއްވެ ކުއްލިއަކަށް މާއިޝާގެ ވާހަކަ ތި އެހީ؟” އެހައި ކުއްލި ގޮތަކަށް ޝާހިރު އެ ސުވާލުކުރި ސަބަބު ދެނެގަންނަން ސަލީމާ ބޭނުންވިއެވެ.
“ކަމެއް ނުވޭ. ހަމަ އަހައިލީ. އެބަ އުޅޭތަ ގޭގަ؟”
“އެބަ އިން ކޮންމެވެސް ފިރިހެނަކަށް ގުޅައިގެން އޭނާ ހައްދަން. އެ މީހާއާ އެކު ކެއުމަކަށް ދާށޯ މި އުޅެނީ. ފިރިހެނުން އަތުން އެއްޗެހި ދަމަން އެ ވަރުގެ މީހަކު މަދުވާނެ!” ހިތުގައި އަނދަމުން ދާ އަލިފާންގަނޑުގެ ދިލަ އުދާސް ޝާހިރަށް އިހުސާސްވެދާނެތީ، ހިނިއައިސްފައި ހުރެ ސަލީމާ ވާހަކަ ދެއްކިއެވެ.
ޝާހިރުގެ ހިތުގައި ސުވާލު އުފެދުނެވެ. މާއިޝާގެ ފޯނު އޮތީ ނިވިފައެވެ. ނޫނީ ނިވާލައިފައެވެ. ދެން ފިރިހެނަކަށް ގުޅީ ކިހިނެއް ބާވައެވެ؟ ކޮން ފޯނަކުން ބާވައެވެ؟
“ކިތައް ފޯނު މާއިޝާ ގެންގުޅޭ؟”
“ނޭނގެ. ދެތިން ހަތަރު ފޯނު ވެސް ނޭނގެ ނެތްކަމެއް. ރައްޓެހިވާ ކޮންމެ މީހަކު އަތުން ފޯނެއް ނުނީ ގަޑިއެއް ނޫނީ އެކަހަލަ ކޮންމެވެސް އަގު ބޮޑު އެއްޗެއް އޭނާ ހޯދާނެ.”
ސަލީމާ މި ދައްކަނީ ހަމަ ތެދު ވާހަކަ ތަކެއް ބާވައޭ ޝާހިރުގެ ހިތް ބުނަމުން ދިޔައެވެ.
“އަހަރެން މި ރޭ މި އައީ ސަލީމާ ހޯދާކަށް ނޫނޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟”
“ނުކުރާނަން.” ވަގުތުން ސަލީމާ ބުންޏެވެ. ކުރިއަށް ވުރެ ވެސް ބޮޑަށް ޝާހިރާ ގާތްވެ ތަތްވެލަމުންނެވެ.
“ކުރިޔަސް ނުކުރިޔަސް، އަހަރެން މި ރޭ މި އައީ ސަލީމާ ގާތަކަށް ނޫން! މި އައީ މާއިޝާ ހޯދަން. އޭނާއާ ވާހަކައެއް ދައްކާލަން.” ޖެހިލުމެއް ނެތި ޝާހިރު ހަގީގަތް ހާމަކުރިއެވެ. “ސަލީމާ އަހަންނަށް ކަމެއް ކޮށްދޭނެންޏާ ގޮސް މާއިޝާ ގާތުގައި ބުނެދީ އަހަރެން ބޭރުގައި ހުރި ވާހަކަ.”
ޝާހިރުގެ އެ ވާހަކަތައް ސަލީމާގެ ކަންފަތާ ހަމައަށް ފޯރީ، ކަންފަތް ބުޑުން ތަޅައިގަތް ބަޑިތަކެއް ފަދައިންނެވެ. ލިބުނު ސިކުމާ އެކު ހިތަށް ވެރިވީ ޒާތެއްގެ ބިރުވެރިކަމެކެވެ. އެ ފަދަ ބަސްތަކެއް ޝާހިރުގެ ދުލުން ބޭރުވެދާނޭ ކަމަކަށް އޭނާ ކުޑަކޮށް ވެސް ހިއެއް ނުކުރެއެވެ.
“އެ ކީއްކުރަން؟ ކޮން ވާހަކައެއް ދައްކަން؟” އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި މަޑުމަޑުން ސަލީމާއަށް އަހައިލެވުނެވެ.
“ފަހުން ބުނާނަން!”
“އެންމެ ރަނގަޅު! މި ދަނީ.” ސަލީމާ ވަގުތުން ދޮރޯއްޓާ ދިމާއަށް ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް ދޮރޯށި ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ.
ސަލީމާ އެހައި ފަސޭހައިން ވަދެގެން ދިޔައިމާ ޝާހިރު ހުރީ ހައިރާންވެފައެވެ. އޭނާ ހީކުރީ ސަލީމާ އެ ކަމަށް ހަދާނީ ދެކޮޅުކަމަށެވެ. ދިމާއަށް ނުދާނަމޭ ބުނާނެ ކަމަށެވެ.
ސަލީމާ ދިޔަތާ ދެ މިނެޓެއްހައި އިރު ފަހުން އެނބުރި އަތުވެއްޖެއެވެ. އޭރު އޭނާގެ މޫނުމަތީން ފެންނާން ހުރީ ހިތްހަމަނުޖެހުމެވެ.
“ކޮބައި؟” ސަލީމާ އައުމާ އެކު ޝާހިރަށް އަހައިލެވުނެވެ.
“ކީއްކުރަންތަ މި ކަހަލަ ކަންކަން މަ ލައްވާ ތި ކުރުވަނީ؟” ސަލީމާގެ އަޑުގައި ހުރީ ނުރުހުމެވެ.
“ކޮބާތަ މާއިޝާ؟”
“އެބަ އިން ފޯނެއްގަ. އެކަމަކު މީގެ ފަހުން އޭނާގެ ގާތަށް އަހަރެން ނުފޮނުވާތި!” ސަލީމާގެ ޖުމުލައިގައި އަމުރުވެރި ގޮތް ހުއްޓެވެ.
“އެއީ؟ ކިހިނެއްވީ؟” ޝާހިރަށް އަވަސްއަވަހަށް އަހައިލެވުނެވެ.
“އަހަރެން ގޮސް އޭނާއަށް ގޮވައިލާފަ ޝާހިރުގެ ނަން ބުނެލާއިރަށް، ބުއްރާސްޖަހައިގަތް އިރު ހީވީ، ގެ ވެސް ބޯމައްޗަށް ވައްޓައިލަފާނެހެން. ހެޓަކަށް މަށަށް ދީފި!”
“ކީކޭތަ ކީ؟” ޝާހިރަށް ހުރެވުނީ ސަލީމާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
“ތިމަންނަ ދަންނަ ޝާހިރެއް ނުހުންނާނެޔޯ! ކަލޭ ތި އުޅެނީ މޮޔަވެގެންހޯ. ބޭކާރު އަނގަ ނުތަޅާ މިތަނުން ދާން އުޅޭށޯ، ކުރާނެކަމެއް ނޭނގިގެން ހޯ ތި އުޅެނީ ކިޔައިގެން ނޭނގެ ކީހައި އެއްޗެއް ބުނެދޭން ވެސް. ހުވާ މިބުނި މަށަށް ވަރެއް ކޮށްލައިފި.”
“ކީއްވެ އެހައި ރުޅިއެއް އައީ.”
“ގުޅައިގެން އެ އުޅުނު މީހާއަށް ކަމެއް އެނގިދާނެތީ ކަންނޭނގެ!”
ޝާހިރަށް ހުރެވުނީ ބަސް ހުއްޓި ބުނާނޭ އެއްޗެއް ނޭނގިފައެވެ.
“ދެން ހިނގާ ދާން! އޭނައެއް ނާންނާނެ” ޝާހިރުގެ އަތުގައި ސަލީމާ ހިފިއެވެ. “ސައިކަލުގައި ނުދަންޏާ ހިނގާ ހިނގާލަން ދާން! މި ތާ ތިއްބާ އަނެއްކާ މަންމައަށް ފެނިދާނެ!” ޝާހިރުގެ އަތުގައި ހިފައިގެން، ކުރިއަށް ހިނގައިގަންނަން ސަލީމާ އުޅުނެވެ.
“މައިތިރިވެބަލަ! ކީއް ވެގެންތި އުޅެނީ؟” ޝާހިރުގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. ރުޅިވެރިކަމެވެ.
“މިހެން ތިއްބާ މަންމައަށް ފެނިއްޖެއްޔާ ވަރަށް ރުޅިއަންނާނެއޭ!”
“ދެން ސަލީމާ ގޮސް ގެއަށް ވަނީމަ ނިމުނީނު! ކާކުތަ ބުނީ މިތާ ހުންނާށޭ؟”
“ޝާހިރު ތި މަށާ ސަމާސާ ކުރަނީތަ؟” ޝާހިރުގެ ދެ އަތުގައި ސަލީމާ ހިފެހެއްޓިއެވެ.
“ބުނެފީމެއްނު އަހަރެން މި އައީ ސަލީމާ ހޯދާކަށް ނޫނޭ! ދެން ކޮންހައި އުނދަގުލެއްތަ މަށަށް ތި ކުރަނީ؟” ސަލީމާގެ އަތުގެ ތެރެއިން އަތް ދަމައިގަތް އިރު، ޝާހިރުގެ އެތެރެހަށި ތުރުތުރުއަޅައެވެ.
“މާއިޝާ މި ތަނަށް ނައިމަ ތިހިރީ މަ ދެކެ ނައްޓާފަ ދޯ!” ސަލީމާ ގާތަށް ވެސް ރުޅިއަތުވެއްޖެއެވެ. “ކަލޭ ކިތަންމެ ވަރަކަށް ރަތަށް އެރިޔަސް، ތި ކަމެއް ނުވާނެ! ކަލޭ މި ރޭ ހަތަރު ދަމު މިތާ ހުއްޓަސް މާއިޝާއެއް ކަލޭ ގާތަކަށް ނާންނާނެ! އޭނަ ނޫޅޭ ކަލެއާ ހެދި މޮޔަވެގެންނެއް!” ސަލީމާ ވާހަކަ ފެށީ ޒުވާބުކުރާ ފާޑަށެވެ.
ރައްދުގައި ވަރުހުރި އެއްޗެއް ބުނެލަން ޝާހިރު އަނގަ ހުޅުވައިލިއެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އެ ގޭ ދޮރާށި ދޮށަށް ޓެކްސީއެއް މަޑުކޮށްލައިފިއެވެ. އެ ދެ މީހުންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް ކާރާ ދިމާއަށް ބަލައިލެވުނެވެ. އޭރު ފަހަތު ދޮރު ހުޅުވާލައިފައި ކާރުން މީހަކު ފައިބަނީއެވެ. ބުނަން އުޅުނު ޖުމުލަ ޝާހިރަށް ދިރުވައިލެވުނެވެ. ފޭބި މީހާ ފެނިފައެވެ.
ޝާހިރާއި ސަލީމާ މަގުމަތީގައި ތިބިތަން ފެނިފައި، މާއިޝާގެ ހަރަކާތްތަކަށް ހުއްޓުންއެރިއެވެ. ހީ ވެސް ނުކުރާ ކަހަލަ މަންޒަރެއް ކުއްލިއަކަށް ފެނުމުންނެވެ. މާއިޝާގެ ނަޒަރު ހުއްޓިފައި ހުރީ ޝާހިރާ ދިމާއަށެވެ.
މާއިޝާ ފެނުމުން ޝާހިރަށް ހުރެވުނީ ދެ ލޮލަށް އިތުބާރުކުރަން ދަތިވެފައެވެ. މިއީ އަނެއްކާ ފެންނަ ހުވަފެނެއް ބާވައެވެ؟ މާއިޝާގެ ފިކުރުތައް ސިނކުނޑީގައި ގިނަވެ ތޮއްޖެހުމުގެ ސަބަބުން، ހޭލާ ހުއްޓާ މާއިޝާގެ ހުވަފެން ފެންނާން ފެށީ ބާވައެވެ؟ އޭނާއަށް ދެތިން ހަތަރު ފަހަރު އެސްފިޔަ ޖަހައިލެވުނެވެ. އެހެންނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. ދެ ލޮލަށް އިތުބާރު ކުރެވުނީ އެހައި ހިސާބުންނެވެ.
ޓެކްސީ ހިނގައްޖެއެވެ. އެ ތަނުގައި އެ ތިން މީހުން އެކަނި ވެއްޖެއެވެ. ކޮޅުކޮޅަށް ހިނގާބިނގާވާ މީހުންނާއި ދުއްވާ ތަކެތި، އެ މީހުންގެ ނަޒަރުން ވަނީ ގެއްލިފައެވެ. ސަލީމާގެ މޭ ނެގިނެގިފައި ޖެހެމުންދެއެވެ. ހާސްކަމާއި ކަންބޮޑުވުން މޫނުމަތީގައި ފުނިޖެހިއްޖެއެވެ. އެއް ފަހަރު މާއިޝާއާ ދިމާއަށް، އަނެއް ފަހަރު ޝާހިރާ ދިމާއަށް، އޭނާ ބަލަމުން ދިޔައެވެ. މާއިޝާ ގޭގައި ނޫޅޭކަމެއް އޭނާއަކަށް ނޭނގެއެވެ. އެ ވަރުގެ ބޮޑެތި ދޮގުތަކެއް ހެދުނީ އެހެންވެއެވެ.
ސަލީމާއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ބަލަބަލާ ހުއްޓާ ދާހިއްލައި ފޯވެއްޖެއެވެ. އެންމެ ފަހުން އޭނާ އެނބުރި ދޮރާއްޓާ ދިމާއަށް ހިނގައިގެންފިއެވެ. އެ ދިޔަ ގޮތަށް ގޮސް ދޮރާށި ހުޅުވާލައިފައި، އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އެ ތަނުގައި ހުންނާނެ ހިތްވަރު ނުލިބުނީއެވެ.
ޝާހިރާއި މާއިޝާއަށް ހަމަ ހޭވެރިކަން އައީ، ބަންލާފައި ޖެހުނު ދޮރާށީގެ އަޑަށެވެ. ދެ މީހުންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް ބަލައިލެވުނީ ދޮރާއްޓާ ދިމާއަށެވެ. އެއަށްފަހު އެކަކު އަނެކެއްގެ މޫނަށެވެ.
“މާއީ!” ޝާހިރު މަޑުމަޑުން ގޮވައިލިއެވެ. އޭރު އޭނާގެ ތުންފަތް މައްޗަށް ވަނީ، ލުއިލުއި ހިނިތުންވުމެއް ވެރިވެފައެވެ.
މާއިޝާ ބޯ ޖަހައިލިއެވެ. މޫނުމަތިން ފެންނާން ހުރީ ގާތްކަމެއް ނޫނެވެ. ޝަކުވާ ފުންޏެކެވެ.
“ހާދަ އިރަކު އިންތިޒާރުކޮށްފީމޭ!”
“ފޯނު ނިވުނީ….” މާއިޝާގެ އަޑު މަޑެވެ.
“ހިތަށް ވެސް އެރި ތިހެން. އެކަމަކު….”
“ޝާހިރު ތި އައީ ސަލީމާ ގާތަށް ދޯ” މާއިޝާ އިސް އޮބައިލިއެވެ.
“ނޫން! މިއީ އެއްގޮތަކަށް ވެސް އެހެން ވީ ކަމެއް ނޫން!” ޝާހިރަށް ބޭއިޚުތިޔާރުގައި ކުރިއަށް ޖެހިލެވުނެވެ. “މާއީއަށް ތިހެން ހީކުރެވޭނެކަން މަށަށް އެނގޭ. އެކަމަކު ހަގީގަތަކީ އެއީ އެއް ނޫން!”
“ދެން…؟”
“އަހަރެން އައީ މާއި ހޯދަން. އޭނާއަށް ފެނިގެން ނިކުތީ.”
“ދެން ކީއްވެ އަހަރެން ފެންނަ އިރަށް އެ ދިޔައީ؟”
“ދެއްކުނު ވާހަކަތަކެއްގެ ސަބަބުން ހުންނަން ނުކެރުނީ ކަންނޭނގެ!”
“ތި ބުނީ؟”
“އެއީ މާއިގެ ދައްތަކަމަށް ވިޔަސް ކަން އޮއްގޮތަށް އަހަރެން ބުނާނީ. މާއިއަށް ލިބިފައި ތިހިރީ ވަރަށް ދޮގުހަދާ ދައްތައެއް! މި ރޭ ވަރަށް ރީތިކޮށް އޭނާ ބޭޒާރުވެއްޖެ!” ޝާހިރުގެ އަޑާއި ރާގުގައި ހުރީ ނުރުހުމާއި ރުޅިވެރިކަމެވެ.
“ކޮން ދައްތައެއްގެ ވާހަކައެއްތަ ތި ދައްކަނީ؟” މާއިޝާގެ މޫނުމަތީގައި ސުވާލުމާކު ޖެހުނެވެ.
“ސަލީމާ އެއީ މާއިގެ ދައްތައެއް ނޫންތަ؟”
“އެއީ މަގޭ ދައްތައެއް ނޫން.”
“ދެން ދޮންތަ ވިޔަސް….”
“ދޮންތައެއް ވެސް ތިއްތައެއް ވެސް ނޫން! އެއީ ދޮންމަންމަގެ ދަރިއެއް.” މާއިޝާ އޮޅުންފިލުވައިދިނެވެ.
“ހަމަ ތެދެއް؟”
“އާނ!”
“އެކަމަކު ވާ! އޭނަ މަގޭ ގާތު ބުނީ މާއި އަކީ އޭނާގެ ކޮއްކޮއެކޯ. އޭނަ މަގޭ ގާތު ހުސް ދޮގު ދޯ މި ހެދީ”
“ދެން ކޮން ދޮގެއް ހެދީ؟”
“މާއިއޭ ކިޔައިގެން ވެސް އޭނާގެ ދުލަކަށް ނާދޭ ނުދައްކާ ވާހަކައެއް. ހަޑިހުތުރު އެތައް ވާހަކައެއް ވެސް ދެއްކި.”
“ގަބޫލުކުރަން. އޭނަ ދައްކަފާނެ.” މާއިޝާ ބޯ ޖަހައިލިއެވެ. “އެކަމަކު މަށަށް ރަނގަޅީ އެ ވާހަކަތައް މަގޭ ގާތު ނުދެއްކިއްޔާ. ސުވާލެއް ކޮށްލަންތަ؟”
“ހޫނ!”
“ޝާހިރު ތި އުޅެނީ ސަލީމާއާ ރައްޓެހިވެގެންތަ؟” އަހަން ނާހަން ހުރެ އަހައިލާ ކަހަލަ ގޮތަކަށް މާއިޝާ އަހައިލިއެވެ.
“ނޫން!”
“ދޮގުހަދާތީ ރުޅިވީ؟” މާއިޝާގެ ތުންފަތްމަތިން ލާނެތް ހިނިތުންވުމެއް ފެނުނެވެ.
“ތީ ތަންކޮޅެއް ދިގު ވާހަކައެއް. މާއިއަށް ވަގުތު އެބަ އޮތްތަ؟”
“ހޫނ!” މާއިޝާ ގަޑިއަށް ބަލައިލުމަށްފަހު ބޯ ޖަހައިލިއެވެ.
“ހިނގާ ކުޑަކޮށް މިހެން ހިނގާލަން ގޮސްލަން.”
ޝާހިރު ހިނގައިގަތުމުން މާއިޝާ ވެސް ހިނގައިގަތެވެ. މަޑު ހިނގުމެއްގައި ކުރިއަށް ދިޔައިރު ޝާހިރު ދިޔައީ ވާހަކަތަކެއް ދައްކަމުންނެވެ. މި ދިޔަ ދުވަސްތަކުގެ ވާހަކަތައް މާއިޝާއަށް ކިޔައިދެނީއެވެ. މާއިޝާ އެ ވާހަކަތައް ކަނުލައި އަޑުއަހަމުން ގެންދެއެވެ.
އެ ދެކުދިންނަށް މާ ދުރަށް ދެވޭވަރެއް ނުވެއެވެ. ގޭ ދޮރޯށި ހުޅުވާލައިފިއެވެ. ބޯ ދިއްކޮށްލިތަން ފެނުނީ ސަލީމާއެވެ. މާއިޝާއާއި ޝާހިރު އެކުގައި ހިނގާފައި ދާތަން ފެނިފައި ސަލީމާ އަނދައިގަތެވެ. މޫނުމަތީގައި ހުޅުރޯވިއެވެ. އަތުކޮޅަށް ދަމައި ދޮރޯށި ޖެހުމަށްފަހު، އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ހުރިހައި އަނިޔާއެއް ދޮރާއްޓަށެވެ.
“ކޮންހައި އަޑުފަށްގަނޑެއް؟” ޖަމީލާ ކޮޓަރިން ނިކުތް އިރު، ފެނުނީ ސަލީމާ ދުންޖަހާފައި ކޮޓަރިއާ ދިމާއަށް އަންނަ ތަނެވެ. އޭނާ ހުރި ގޮތް ފެނިފައި ޖަމީލާގެ ސުވާލު އިތުރުވިއެވެ. “ކިހިނެއްވެފަ ތިހިރީ؟ ރުޅި އައިސްގެން މީހާ ތިހިރަ އަނދައި ހުލިވަނީނު.”
“ރުޅި ނައްޔާ ދެރައެއްނު! އެ ގޮތްކުޑަ މާއިޝާ، ފާޑެއްގެ ފިރިހެނަކާ އެކު މަގުހުރިގޮތަށް ފައިބައިގެން އެބަ ދޭ! މަންމަ ނިކަން ގޮސް ބަލައިލަބަލަ މަ މި ހަދަނީ ދޮގެއްތޯ!”
“ނޫޅެން ބަލާކަށް. ތެޅޭނެ ފާޑަކަށް ތެޅެފާނެއެއްނު! ދަރިފުޅު އެހެން ނޫޅެފިއްޔާ މަންމައަށް އެވީ.” ޖަމީލާ މޫނު ހަދާލިއެވެ.
“އެކަމަކު ވެސް މަންމަ ގޮސް އޭނަ ހުއްޓުވަބަލަ!”
“ބުނެފީމެންނު އެއީ މަށާ ބެހޭ ކަމެއް ނޫން! ވިޔާނުދާކޮށް އުޅެ ބޮނޑިއެއް ވެސް ލިބުނިއްޔާ މަށަށް ރަނގަޅީ.” ޖަމީލާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
ސަލީމާއަކަށް ކެތެއް ނުވިއެވެ. އަނެއްކާ ވެސް ދުއްވައިގަނެވުނީ ދޮރޯއްޓާ ދިމާއަށެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ދޮރޯށި ހުޅުވައި ބޭރަށް ބަލައިލިއެވެ. އޭރު މާއިޝާއާއި ޝާހިރު ވަރަށް ދުރަށް ހިނގައްޖެއެވެ. ހީވަނީ ދެ މީހުން އަތްގުޅާލައިގެން ތިބެ ކުރިއަށްދާ ހެންނެވެ.
މި މަންޒަރު ފެނުމާ އެކު، ސަލީމާގެ ކަންކަށިމަތީގައި މީހަކު ގުއްޓެއް އެޅިކަހަލައެވެ. މޫނުމައްޗަށް އަނދިރިވެ، ކާޅިއަޅާގޮތްވިއެވެ. އެތައް ސަތޭކަ ދޮގެއް ހަދައިގެން މިހައި ދުވަހު ކުރި މަސައްކަތް، ހައެއްކަ ސިކުންތުގެ ތެރޭގައި ހުދުކާފޫރަށްވެ، ވަޔަށް އަރައިގެން ދިޔައީ ބާވައެވެ؟ މަގޭ އަތުން އަބަދަށް ޝާހިރު ބީވީ ބާވައެވެ؟ ނޫނެކެވެ. ހަމަ ހިލައި އެހެން ވިޔަކަ ނުދޭނަމެވެ. މި ކަމުގައި މާއިޝާއަށް މަގޭ މައްޗަށް ކުޅިފަސް ހޯދިގެން ނުވާނެއެވެ. ސަލީމާ އަވަސްއަވަހަށް ދޮރާށި ލައްޕާފައި މަންމަގެ ކޮޓަރިއާ ދިމާއަށް މިސްރާބުހިފައި ދުއްވައިގަތެވެ.
“މިހާރު އެ ދެ މީހުން އަތް ގުޅާލައިގެން އެބަ ދޭ!” ކޮޓަރީގައި އޮށޯވެލައިގެން ފޯނާ ކުޅެން ޖަމީލާ އޮއްވާ، ސަލީމާ ގޮސް ދޮރު ހުޅުވައިލި ގޮތަށް ޝަކުވާކޮށްގަތެވެ. “މަންމަ ޖެހޭނެ ޣަފޫރުބޭ ގާތު އެ ވާހަކަ ބުނަން!”
“ސާބަހޭ! ކީއްވެގެންތަ ކަރު ބުރިކޮށް، އެއްލައިލައިފައި އޮތް ކުކުޅެއްހެން ތިހިރަ ތެޅެނީ؟”
“އަހަރެން ފިރިހެނަކާ ވާހަކަ ދައްކާތަން ފެނުނީމަ މަންމަ ވެސް ތެޅިފޮޅޭއިރު ހީވާނީ ކުކުޅެއްހެން!” ސަލީމާ ގާތަށް ރުޅި އަތުވެއްޖެއެވެ. “މާއިޝާ ކޮންމެ ގޮތަކަށް އުޅުނަސް މަންމައަށް ހެޔޮވާނެ!”
“އޭނައާ ކަލެއަކާ އެއްގޮތެއް ނޫނޭ!”
“ކީއްވެ؟”
“ތީ މަގޭ ދަރިއެއް! ނުވަ މަސް ދުވަހު އޮތީ މި ބަނޑުގަ. އެއީ މަށާ ބެހޭ މީހެއް ނޫން! ތި ވާހަކަ އިތުރަށް ދައްކަން ނުހަދައި މި ތަނުން ދާން އުޅޭ!” ޖަމީލާގެ ކަޅި އަތުގައި އޮތް ފޯނަށް އަނެއްކާ ވެސް ހުއްޓުނެވެ.
ޖަމީލާގެ ކިބައިން ސަލީމާ ބޭނުންވި ފަދަ އިޖާބައެއް ނުލިބުނެވެ. އެހެންކަމުން އޭނާއަށް ޖެހުނީ އިސް އޮބައިލައިގެން ހުރެ، އެ ކޮޓަރިން ނިކުންނާށެވެ. އޭރު އޭނާގެ ހިތް އޮތީ ޝަކުވާއާއި ހިތާމައާއި މާޔޫސްކަމުގެ ފުން ވަޅަކަށް ފެތިފައެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް، ހަގީގަތާ ކުރިމަތިލާން މަޖުބޫރުވެފައެވެ.
“ގަބޫލުކުރަން! އެކަމަކު…. ދޯ!” މާއިޝާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ޝާހިރު ދެއްކި ވާހަކަތައް އަޑުއަހާފައި އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ކިތަންމެ އަޑުއަހަން ބޭނުން ނުވިޔަސް، ސަލީމާ ދެއްކި ވާހަކަތައް ޝާހިރު ކިޔައިދީފިއެވެ. ރުޅި އަޔަސް، އެ ވަރުގެ ބޮޑެތި ދޮގުތަކެއް ސަލީމާ ހަދައިފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
“ދެން ހިތްހަމަޖައްސައިލާ! މިހާރު ދެން ހުރިހައި ކަމެއް ސާފުވެއްޖެއެއްނު!” މާއިޝާ ހުރި ގޮތް ފެނިފައި ޝާހިރު މަޑުމަޑުން ބުނެލިއެވެ.
“ހުރިހައި ކަމެއް އަދި ސާފެއް ނުވޭ!” މާއިޝާ، ޝާހިރާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ކޮންކަމެއް؟ ކޮން ކަމެއް ސާފު ނުވަނީ؟”
“ސަލީމާއާއި ޝާހިރާ ދެމެދުގައި އޮތް ގުޅުމުގެ ހަގީގަތަކީ ކޮބައި؟”
“އާނ! އެ ވާހަކަ ދޯ!” ޝާހިރު ހަމަޖެހިލިއެވެ. “އެއީ އަސްލު ރައްޓެއްސަކު ބުނެގެން ކުޅުނު ޑްރާމާއެއް!”
“ޑްރާމާއެކޭ؟”
“އާނ!”
ބޭނުމަކީ؟”
“އަސްލު ބޭނުމަކީ އެ މަންޒަރު މާއިއަށް ދައްކާލުން.” ޝާހިރު ހުރީ ފާޑަކަށް ހިނިއައިސްފައެވެ.
“އެއީ ކީއްކުރާށޯ؟”
“ސަލީމާގެ ދޮގުވެރި ބަސްތަކަށް ގަބޫކުރެވިގެން ގަނެވުނު ގަނޑެއް އެއީ. އެކަމަކު އެންމެ ފުރަތަމަ އަހަރެމެން އެ ތަނުގައި ތިއްބާ މާއިއަށް ފެނުނު ރޭ ވެސް މާއިއަށް އައި ބަދަލުން މަށަށް އެނގިއްޖެ ސަލީމާގެ ވާހަކަތަކުގައި އޮޅުވާލުންތަކެއް ހުރިކަން.”
“ކޮން ބަދަލެއް އައީ؟” މާއިޝާ ގާތަށް ވެސް ހިނިއައެވެ.
“ފާޑަކަށް ސިހިފައި ދެ ލޯ ބޮޑުވެފައި މޫނުމަތިން ހިތާމައިގެ ކުލަވަރު ފެނުނީ.”
“އެކަމަކު ފަހުން ވެސް ސަލީމާއާ އެކު އުޅޭތަން ފެނޭ.”
“އާނ، ފަހުން އެހެން އުޅުނީ، ސަލީމާ ދެއްކި ވާހަކަތަކާ މާއިގެ އުޅުމާ ދިމާވޭތޯ ބަލަން.”
“ދެން ދިމާވިތަ؟” ލޮލުގެ ކުޑަކޮޅުން ޝާހިރާ ދިމާއަށް ބަލައިލަމުން މާއިޝާ ހިނިތުންވެލިއެވެ.
“ނުވި. ނުވެސްވާނެ! އެއީ ބޮޑު ދޮގުވެރިއެއް! މިހާރު ހުންނާނީ ނިކަން ރީއްޗަށް ރަހަލާފައި.”
“ދެން ހިނގާ ގެއަށް ދާން! މިހާރު މާ ބޮޑަށް ލަސްވެއްޖެ! ބައްޕަ އަންނަންވާއިރަށް ގެއަށް ވަންނަންޖެހޭނެ!”
“ދެން އަހަރެން ގުޅީމަ ފޯނު ނަގައްޗޭ!” ގެއާ ދިމާއަށް ހިނގައިގަންނަމުން ޝާހިރު ބުނެލިއެވެ.
“އާނ!” މާއިޝާ ހިނިތުންވެލީ އުފަލާ އެކުގައެވެ. “ޝާހިރު ތީ ދުންޔާގެ ދޮންބެކަން އަހަންނަށް ކުރިން ނުވެސް އެނގޭ.”
“މަށަކަށް ވެސް ނޭނގެ!”
“ތީ ދުންޔާގެ ދޮންބެ ކަމެއް؟” މާއިޝާ ގާތަށް ހިނި އައިވަރުން، ބާރަށް ހޭންފެށުނެވެ. ބުނެވުނު އެއްޗާ މެދު ޝާހިރަށް ވިސްނައިލެވުނީ މާއިޝާ ހޭންފެށުމުންނެވެ.
މާއިޝާ ގެއަށް ވަންއިރު، ސަލީމާ އިނީ ސިޓިންރޫމުގައެވެ. މާއިޝާ ވަންތަން ފެނިފައި އޭނާ ފުންމައިގެން ތެދުވިއެވެ. ދެ ލޯ ވަށްކޮށްލައި، މާއިޝާއާ ދިމާއަށް ބަލައިލި ވަގުތު ހީވީ އެ ދެ ލޮލުގެ ދެ އޮށް ވެސް ވެއްޓިދާނޭ ހެންނެވެ. މާއިޝާއާ ދިމާއަށް ބަލައިލަމުން، އަނގައަށް ފާޑެއްގެ ނުބައި ވައްތަރެއް ޖައްސައިގެންފައި، ބާރުބާރަށް ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. ސަލީމާ އުޅުނު ގޮތް ފެނިފައި، މާއިޝާ ގާތަށް އައީ ހިންޏެވެ. ރުޅިވެރިކަމާއި ނަފުރަތުގެ ދިލަ ހިތެއްގައި ޖެހޭނީ އެހައިކަންހައި ވަރަށޭ ހިތަށް އެރިއެވެ.
ކޮޓަރިއަށް ވަދެ އެނދުގައި މާއިޝާ ޖައްސައިލިއެވެ. އޭރު އޭނާގެ ހިތް އޮތީ އުފާވެރި ތެޅުމަކުން ތެޅިލަތެޅިލައެވެ. އެ ހިތުގެ ކޮންމެ ވިންދެއްގައި ވަނީ ފޮނިފޮނި މިޔުޒިކެކެވެ. އޭނާގެ ސިކުނޑީގައި ވަނީ ޝާހިރުގެ ރީތި ސޫރައެވެ. އޭނާ ހިތާހިތުން އެ ސޫރައާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ހިތަށް ލިބިފައިވާ އުފާވެރިކަން މޫނުމަތިން ފެންނަމުން ދެއެވެ. ތުންފަތް މަތީގައި ދުވެލަދުވެލައި ހުރި ލުއިލުއި ހިނިތުންވުން އެކަމުގެ ހެތްކަކަށް ފުދެއެވެ.
ޝާހިރާ އެކު އަމިއްލަ ދުނިޔެއެއްގައި އޮތް މާއިޝާއަށް އެ ދުނިޔެއިން ނުކުންނަށް ޖެއްސީ އޭނާގެ ފޯނެވެ. އެ ފޯނު މެދުވެރިކޮށް ކޮންމެވެސް މީހަކު އޭނާއަށް ޖެއްސުންކުރަން ފެށުމުންނެވެ. ފޫއްސާއި ނުރުހުމާ އެކު އޭނާ ފޯނަށް ބަލައިލިއެވެ. އެހެންނަމަވެސް ފޯނަށް އަރާފައި އޮތް ނަން ފެނިފައި، އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސާލި އިރު، ތުންފަތްމަތީގައި ހުރީ ހިނިތުންވުމެވެ.
“ފަހަރީ!” ދުންޔާ ފުރަތަމަ ވެސް ޖަހާލީ އަޑުބާރު ހިނިގަނޑެކެވެ. “ފަހަރިތަ ކިޔަންވީ؟ ނޫނީ ދޮންބެދައްތަތަ؟” ހެމުންހެމުން ދުންޔާ ސުވާލުކުރިއެވެ.
“ބޭނުން އެއްޗެއް ކިޔާ!” ލަދުގަންނަގޮތް ވިޔަސް، ދުންޔާއަށް އެކަން ދައްކާކަށް މާއިޝާ ބޭނުމެއް ނުވިއެވެ.
“އެކަމަކު އަޅެ އަންގައިވެސް ނުލައި ގަތް ގަނޑު ނިކަން ބަލައިލަބަލަ! މި ރޭ ތި ދެ މީހުންނަށް ވީ ގޮތުން މަގޭ ހިތަށް ވެސް އެރިއޭ މީ ކަމެކޭ.”
“ދެން ކިހިނެއް ޔަގީންވީ؟” އެނގި ހުރެ މާއިޝާ އަހައިލިއެވެ. ހިނިއައިސްފައި އޮވެއެވެ.
“ދޮންބެ ދެންމެ އައިސް ހުރިހައި ވާހަކައެއް މަށަށް ކިޔައިދީފަ އެ ދިޔައީ.”
“ދޮންބެ ކޮބާ މިހާރު؟”
“ކޮޓަރީގަ. މަ ނުދެކެން މިއިން ޒަމާނަކު ވެސް ދޮންބެ އެހައި އުފާވެފައި ހުއްޓައެއް. ހުވާ މި ބުނި އުފަލުން މޮޔަވާވަރުވެފަ ހުރީ.”
“އެކަމަކު މޮޔަވީމަ ކަމަކު ނުދާނެއެއްނު!” މާއިޝާ ހިނިގަނޑެއް ޖަހައިލިއެވެ.
“ދޯ!” ދުންޔާ ވެސް ހޭންފެށިއެވެ. “މަ ބުނީ ހާދަ ފޫހި ސަލީމާއެކޭ ތި ގޭގަ ތި އުޅެނީ. ސަލީމާގެ ވާހަކަ ދޮންބެ ކިޔައިދިނީމަ މަ ހާދަ ފޫއްސެއްވިޔޭ! ހިތަށް އެރި…..”
“އަލައިނުލާ! އެހެން މީހުންގެ ވާހަކަ ދައްކާނެކަމެއް ނެތް!” ދުންޔާގެ ވާހަކަ މާއިޝާ މެދުކަނޑައިލިއެވެ.
“ތި ހައި ރަނގަޅު ކުއްޖަކު ދޮންބެއަށް ލިބުނީމަ ހާދަ އުފާވޭއޭ. އެހެންވެ އަވަހަށް މި ގުޅީ ވެސް. ދޮންބެ ދެރަވާ ކަހަލަ ކަމެއް ނުކުރައްޗޭ! މި ބުނީ ދޮންބެއާ ރުޅި ނުވައްޗޭ!”
“މަ ވެސް ވަރަށް ލޯބިވޭ!” ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް މާއިޝާ ބުނެލިއެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ވަރަށް ރީތިކޮށް ނަލަހެދިލައިގެން މާއިޝާ ނުކުމެ ދޮރޯށި ދޮށުގައި މަޑުކޮށްލިއެވެ. އޭނާ ގަޑިއަށް ބަލައިލި ގޮތުން މީހަކަށް އިންތިޒާރުކުރަނީކަން އެނގެއެވެ. އެ އިންތިޒާރު މިނެޓަކަށް ވެސް ދިގުލައި ނުދެއެވެ. ހިތުގެ ބައިވެރިޔާ އައިސް، ދޮރޯށި ދޮށަށް މަޑުކޮށްލައިފިއެވެ. ސައިކަލަށް މާއިޝާ އެރުމާ އެކު، ގިޔަރު ބަދަލުކޮށްލައި ސައިކަލު ދުއްވާލައިފިއެވެ.
ދެ ލޯބިވެރިންގެ ވަކި މަންޒިލެއް ނެތެވެ. މަޑު ދުވެއްޔެއްގައި ދުއްވަމުން ދިޔަ ސައިކަލުގެ މިސްރާބު ކުރީ ދިވެހިރާއްޖޭގެ އަޑު ކައިރިން ބޭރުމަގަށެވެ. މާއިޝާ އިނީ ޝާހިރުގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެމެއްގެ ބޮޑުކަމުން އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. އެހެންނަމަވެސް ޝާހިރު ދައްކާ ވާހަކަ އޭނާއަށް އިވެމުންދެއެވެ.
ބޭރުމަގުން އިރަށް ސައިކަލު ދުވަމުންދެއެވެ. ކޮޅުކޮށް ދުއްވާ ކާރުތަކާއި ސައިކަލުތަކަށް އެ ދެ ލޯބިވެރީންގެ ކުދަވެސް ސަމާލުކަމެއް ނެތެވެ. އެ ގޮތުގައި މޭރީ ބްރައުންއާ ހަމައަށް ދިޔަތަނާ، ފަހަތުން އައި ކާރެއް، އެ މީހުންނާ ހަމަކޮށްފިއެވެ. އެއަށްފަހު ދެން ދުއްވާން ފެށީ އެ މީހުންނާ އެއް ހަމައެއްގައެވެ. ކުރިއަކަށް ވެސް ނާރައެވެ. ފަހަތަކަށް ވެސް ނުދެއެވެ. އެހެންކަމުން އެ ކާރާ ދިމާއަށް ޝާހިރަށް ބަލައިލެވުނެވެ. އެއީ މަޑު ނޫކުލައިގެ ވަރަށް ރީތި އާ ކާރެކެވެ. ފުރަތަމަ ފެންނަ އިރަށް ވެސް “ވޮލްވޯ” ކާރެއްކަން ޝާހިރަށް އެނގުނެވެ. ކަޅު ބިއްލޫރިޖަހާފައި ހުރި ކާރެއްކަމުން އެތެރެއެއް ނުފެނެއެވެ.
ޝާހިރު އަޅައެއް ނުލައެވެ. އޭނާ ސައިކަލުގެ ދުވެލި ތަންކޮޅެއް ހަލުއިކޮށްލިއެވެ. އެ ކާރަށްވުރެ ކުރިއަށް އަރާށެވެ. ހަމަ އެއާއެކު ކާރުގެ ދުވެލި ވެސް ހަލުއިކޮށް ސައިކަލާ އެއްވަރަށް ދުއްވަންފަށައިފިއެވެ.
“މީ ކިހިނެއްވެގެން އުޅޭ ކާރެއްތަ؟” ޝާހިރުގެ ޖުމުލައިގައި ހުރީ ނުރުހުމުގެ ރާގެކެވެ.
ޝާހިރުގެ އެ ޖުމުލަ އިވިފައި، މާއިޝާއަށް މަޖުބޫރުވީ ލޯ ހުޅުވައިލާށެވެ. ކޮނޑުމަތިން ބޯ އުފުލައިލާށެވެ. އޭނާ ބޯ އުފުލައި އެ ބުނާ ކާރަކާ ދިމާއަށް ބަލައިލިއެވެ. ފަރުވާ ކުޑަ ގޮތަކަށެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އޭނާގެ ދެ ލޯ ބޮޑުވެއްޖެއެވެ. މޭތެޅިގެންފިއެވެ. އެ މީހުންނާ އެއް ވަރަށް ދުއްވަމުން އަންނަ ކާރު ފެނިފައެވެ. ލިބުނު ސިހުމާ އެކު އޭނާއަށް އަވަސް އަވަހަށް ޝާހިރުގެ ގައިން ދޫކޮށްލައި ފެޔަށް ޖެހިލެވުނެވެ. އެ ވަގުތު ފެނުނީ ކާރުގެ ބިއްލޫރި ތިރިކޮށްލިތަނެވެ. ދުއްވަން އިނީ ޣަފޫރެވެ. ޣަފޫރުގެ ބޮޑުވެފައި ހުރި ދެ ލޮލާއި ނުރުހުމުގެ ކުލަވަރުން ކަޅިވެފައިވާ މޫނު ފެނިފައި، މާއިޝާގެ ނޭވާ ހުއްޓުނެވެ.
ޣަފޫރުގެ ރުޅިވެރި މޫނު ފެނިފައި މާއިޝާއަށް ލިބުނު ގަދަފަދަ ސިހުމެއްގެ ބޮޑުކަމުން، އޭނާއަށް ތެޅެގަނެވުނެވެ. އެއާ އެކު ސައިކަލު މަތިން އަރިއަޅައިލައިފިއެވެ. ވެއްޓެން ދިޔަ ވަގުތު ޝާހިރުގެ ކޮނޑުގައި ހިފެހެއްޓޭތޯ އަތް ވެސް އެއްލިއެވެ. އެހެންނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. މާއިޝާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހޭލެވުނީ އެ ވަގުތުއެވެ.
ހޭލެވުމާ އެކު މާއިޝާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އޭނާ އިނީ ދާހިއްލައި ފޯވެފައެވެ. މޭ ތެޅޭވަރުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ނޭވާ ވަނީ ކުރުވެ އަވަސްވެފައެވެ. ހިތަށް ވެރިވި ބިރުވެރިކަމާއި ސިހުން އަދި ވެސް ހަމަ އެ ގޮތުގައި އޭނާގެ ހަށިގަނޑުގެ ތެރޭގައި ދައުރުވަމުންދެއެވެ.
ފެނުނު ބިރުވެރި ހުވަފެނާ މެދު ވިސްނާން އިންދާ، އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. މާއިޝާ ފޯނަށް ބަލައިލިއެވެ. ގުޅަނީ ޝާހިރެވެ. ގަޑިއަށް ބަލައިލާނެ ހޭވެރިކަން ވެސް އޭނާއަށް ވީ ދެނެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. މި ދަންވަރު ޝާހިރު މި ގުޅަނީ އަނެއްކާ ކިހިނެއްވީ ބާވައެވެ؟ މާއިޝާގެ ހިތުގައި ސުވާލު އުފެދުނެވެ.
“ހަލޯ!”
“ހަލޯ މާއި! ކިހިނެއް ކަންތައްތައް؟” ޝާހިރުގެ އަޑުން ވެސް މާއިޝާއަށް ފާހަގަކުރެވުނީ ހާސްކަމެވެ.
“ރަނގަޅު! ހާދަ ހާސްވެފައި ތިހިރީ؟”
“އެއްވެސް ގޯހެއް އެބަ އުޅޭތަ؟”
“ނޫން! ކިހިނެއްވީ؟”
“އެކަމަކު ތި އަޑު ހުރި ގޮތުން ހީވަނީ ކޮންމެވެސް ގޯހެއް އުޅޭހެން.” މާއިޝާގެ އަޑުން ޝާހިރަށް ކަމެއް ފާހަގަކުރެވިއްޖެއެވެ.
“ނޫން! އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނޫން! އެކަމަކު ޝާހިރު ތި އުޅޭގޮތުން ހީވަނީ ކަމެއް ގޯސްވެގެން އުޅޭހެން.”
“ވަރަށް ފާޑެއްގެ ހުވަފެނެއް ފެނިގެން މި އުޅެނީ؟” ޝާހިރުގެ އަޑާއި ރާގަށް ބަދަލު އައެވެ.
ފާޑެއްގެ ހުވަފެނެކޭ ޝާހިރު ބުނާއިރަށް، މާއިޝާގެ ހިތުގެ ތެޅުން ހަލުއިވިއެވެ. އަނެއްކާ ކޮން ކަހަލަ ހުވަފެނެއް ޝާހިރަށް ފެނުނީ ބާވައެވެ؟
“އަހަރެމެންގެ މި ގުޅުން މާއިގެ ބައްޕައަށް އެނގުމުން، ވަރަށް ބޮޑަށް ރުޅި އައިސްގެން މަށާ ދިމާއަށް އެއްޗެހިކިޔަނިކޮށް ފެންނަނީ.” ކުރު ގޮތަކަށް ޝާހިރު ހުވަފެން ކިޔައިދިނެވެ. “އެހެންވެ ގުޅަން ނުގުޅަން އޮވެފައި އެންމެފަހުން މި ގުޅީ. އެކަހަލަ އެއްވެސް ކަމެއް ހިނގައިފިތަ އަނެއްކާ؟”
“ނުހިނގާ! އެކަމަކު….” މާއިޝާއަށް މަޑުކޮށްލެވުނެވެ.
“ކީކޭ؟” ޝާހިރަށް އަވަސް އަވަހަށް އަހައިލެވުނެވެ.
“ކޮންމެވެސް ގޯހެއް ވާން އެބަ އުޅޭހެން މަށަށް ހީވަނީ.”
“ކީއްވެ ތިހެން ތި ބުނީ؟”
“ހަމަ ތި ކަހަލަ ބިރުވެރި ހުވަފެނެއް ފެނިގެން މަށަށް ވެސް ދެންމެ މި ހޭލެވުނީ.”
“އެހެންތަ؟ އަޅެ ކިޔާބަލަ!” އަވަސް އަވަހަށް ޝާހިރަށް ބުނެވުނެވެ.
މާއިޝާ ފުރަތަމަ އުޅުނީ އެ ހުވަފެން ކިޔައި ނުދޭށެވެ. އޭނާއަށް އެނގިފައިވާ ގޮތުން، ފެންނަ ގޯސް ހުވަފެން މީސްމީހުންނަށް ކިޔައިދިނުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެންނަމަވެސް ޝާހިރު ކުރުނުކުރުމުން އޭނާއަށް މަޖުބޫރުވީ ކިޔައިދޭށެވެ.
މާއިޝާއަށް ފެނުނު ހުވަފެން އަޑު އަހާފައި އެއްޗެއް ނުބުނެ އިރުކޮޅަކު ޝާހިރު އޮތެވެ. ވިސްނައިލާށެވެ.
“ދެން ކިހިނެއް ހަދާނީ؟ މަ އެބަ ވަރަށް ކަންބޮޑުވޭ.” މާއިޝާއަށް މަޑުމަޑުން ބުނެވުނެވެ.
“މަށަށް ފެންނަނީ ބައްޕައަށް އެނގުމުގެ ކުރިން އަންގަން. ރީތިކޮށް ބައްޕަ ގާތުގައި ބުނަން.”
“އޭން!” މާއިޝާގެ އަޑު ކުޑަކޮށް ބާރުވިއެވެ. “ކިހިނެއް؟”
“މާދަމާ ބައްޕަ ހަމަޖެހިފައި ހުންނަ ވަގުތަކުން ބައްޕައަށް ގޮވައިލާފައި މާއި ކިޔައިދޭންވީނު!”
“މަށަކަށް ލާހިކެއް ނޫން! އަދި މިހާރު މި ވީ ގޮތުން މާ ބޮޑަށް ބިރުގަންނަން ވެސް ފަށައިފި.”
“ހުވަފެނަކީ ބިލާހެކޭ. މި ހުވަފެނުގެ ތައުބީރަކީ، ބައްޕަގެ ރުހުން އޮތްކަން ކަމަށް ވެސް ވަދާނެއެއްނު!” ޝާހިރު މި ބީދައިން ވާހަކަ ދެއްކީ މާއިޝާ ހަމައަކަށް އެޅުވޭތޯއެވެ. އެހެންނަމަވެސް އޭނާގެ ހިތް ވެސް އޮތީ ނުތަނަވަސްކަމުގެ ކޯރެއްގެ ތެރޭގައެވެ.
“އެކަމަކު ވެސް މަށަކަށް ހަމަ ނުކެރޭނެ!”
“ދެން ކިހިނެއް ހަދާނީ؟”
“ނޭނގެ!”
” ބައްޕަ ގާތަށް މީހަކު ފޮނުވަންވީނު! ނެތްތަ ރަނގަޅު މީހަކު؟” ޝާހިރު ވިސްނައިލިއެވެ.
“އެކަހަލަ މީހަކު ވެސް ނެތް! މަންމަ ދުނިޔޭގައި އިން ނަމަތާ!”
“އޯކޭ! ރަނގަޅު ޚިޔާލެއް އަތުވެއްޖެ!”
“ކޮބާ؟”
“އަހަރެން ދާނީ ބައްޕަ ގާތަށް.”
“ކީކޭ؟” ކަންފަތާ ހަމައަށް ފޯރި ފޯރުން، މާއިޝާއަށް ގަބޫލެއް ނުކުރެވުނެވެ.
“މާދަމާ އަހަރެން ބައްޕަ ގާތަށް ދާނީ. ބައްޕަ ފިހާރައަށް ދިޔައިމަ މަށަށް މެސެޖް ކޮށްލާ!”
މެންދުރު ފަހުގެ ވަގުތެވެ. ގަޑިން ދެގަޑި ބައިވިތާ އަދި މާ ގިނަ އިރެއް ނުވެއެވެ. މާއިޝާ ބުނި ފިހާރަ ހޯދައިގެން ޝާހިރު އައިސް އެ ހުރީ އެ ފިހާރަ ތެރޭގައެވެ. އޭނާ ހުރީ ގަމީސްތަކާއި ޖީންސްތައް ހުރި ދިމާގައި، އެ ތަކެއްޗަށް ބަލާކަމަށް ހެދިގެންނެވެ. އޭނާގެ ގާތުގައި ފިހާރައިގައި އުޅޭ ބޭރު މީހަކު އެނބުރި އެނބުރި ހުއްޓެވެ. ކޯއްޗެއް ހޯދަނީތޯ ދެ ފަހަރަކު، އޭނާގެ ކޮށި ދިވެހި ބަހުން އަހައި ވެސް ލައިފިއެވެ. ޝާހިރު ޖަވާބެއް ނުދެއެވެ. އިވޭ ކަމަށް ވެސް ނުހަދައެވެ. އޭނާ ހުރީ ކޮށިގަނޑު ދޮށުގައި އިން ޣަފޫރު ގާތަށް ޖެހިލާނެ ފުރުސަތެއް ނުލިބިގެންނެވެ. ފިހާރައިގައި ކަސްޓަމަރުން އުޅޭތީއެވެ.
ފިހާރައިން ކަސްޓަމަރުން ހުސްވެއްޖެއެވެ. ހަމަހިމޭން ވަގުތުކޮޅެއް އަތުވެއްޖެއެވެ. ޝާހިރު މަޑުމަޑުން ކޮށިގަނޑާ ދިމާއަށް ފިޔަވަޅު އަޅަންފެށިއެވެ. ރީތި ޓައިއެއް ފެނުމުން އެ ޓައީ ނަގައިގެންނެވެ. އެހައިތަނުން ފިހާރައިގައި އުޅޭ ބޭރު މީހާ ވެސް އޭނާ ދޫކޮށްލައިފައި ދުރަށް ޖެހިލައިފިއެވެ.
“އައްސަލާމް ޢަލައިކުމް!” ކޮށިގަނޑު ކައިރިއަށް މަޑުކޮށްލަމުން ޝާހިރު ސަލާމް ގޮވައިލިއެވެ.
“ވަ ޢަލައިކުމް ސަލާމް!” ޝާހިރާ ދިމާއަށް ބަލައިލަމުން، ކޮށިގަނޑުގައި އިން ޣަފޫރު ހިނިތުންވެލިއެވެ.
ޝާހިރުގެ އަތުގައި އޮތް ޓައި ކޮށިގަނޑު މަތީގައި ބެހެއްޓުމުން އޭނާ އެ ޓައީ ނަގައި ބާކޯޑް ސްކޭނަރަށް ދައްކައިލުމާ އެކު، އޭގެ ރަސްމީ އަޑު އިއްވައިލިއެވެ.
“ފަސް ސަތޭކަ ފަންސާސް ރުފިޔާ”
ފަހަތު ޖީބަށް އަތްކޮށްޕާލައިފައި ޝާހިރު ވޮލެޓް ނެގިއެވެ. އޭރު ވެސް އޭނާ ވިސްނަމުން ދިޔައީ، ވާހަކަ ފަށާނޭ ގޮތަކާ މެދުގައެވެ. މިހާރު މިއޮތް އަގު ދައްކާ ނިމެނީއެވެ. މިކަން ނުނިމެނީސް ވާހަކަ ފަށަންޖެހޭނެއެވެ. އެހެންނޫނީ ޖެހޭނީ އެނބުރި އައި ކޮޅަށް ހިނގައިގަންނާށެވެ. ފިހާރައިން ނިކުންނާށެވެ. ހުރިހައި ވަގުތެއް ބޭކާރުވީއެވެ.
ވާހަކަ ފަށާނޭ ގޮތަކާ މެދު ޝާހިރު ވިސްނަމުން ވޮލެޓުން ކާޑު ނަގައިފިއެވެ. އޭނާ ނިންމީ ކާޑު މެޝިން ޣަފޫރު ނެގުމާ އެކު، ވަގުތުން ވާހަކަ ފަށާށެވެ. ވާހަކަ ފަށާނީ، މި އައީ ކުޑަ ވާހަކައެއް ދައްކައިލާށޭ ކިޔައިގެންނެވެ. އެހެން ބުނުމުން ކޮން ވާހަކައެއްތޯ އޭނާ ސުވާލުކުރާނެތާއެވެ. ދެން ސީދާ މައުޟޫއަށް ވަންނާނީއެވެ.
ކާޑު މެޝިން ނެގިތަނާ ކަހަލަ ގޮތަކަށް ފިހާރަށް މީހަކު ވަދެއްޖެއެވެ. ޝާހިރަށް އެނބުރި ބަލައިލެވުނެވެ. ވަދެގެން އެންނަތަން ފެނުނީ ދެބައި އުމުރުގެ ފިރިހެނެކެވެ. އޭނާ އައީ ކޮށިގަނޑާ ދިމާއަށެވެ. ހިތަށް އެރިއެވެ. ކަންތަކާ ޖެހުނީއެވެ.
“އޭތް، ސައީދު! ޣަފޫރު އެބަ އުޅުއްވާތަ؟” އެ މީހާ އައިސް ކޮށިގަނޑު ކައިރިއަށް މަޑުކޮށްލަމުން އެ ތަނުގައި އިން މީހާ ގާތުގައި އަހައިލިއެވެ.
އެ މީހާގެ އެ ސުވާލާ އެކު ޝާހިރަށް ލިބުނީ ސިހުމެކެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ.
“އެބަ އިން އޮފީހުގަ.”
އެ މީހާ ދިއްކޮށްލި މެޝިންގައި ކާޑު ޖެއްސުނުކަން ވެސް ޝާހިރަށް ނޭނގުނެވެ. އޭރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ މުޅިން އެހެން ކަމެކެވެ. ހިތަށް އަރަމުން ދިޔައެވެ. މި މީހާ އައިކަން ހާދަ ރަނގަޅެވެ. އެހެންނޫން ނަމަ މިއަދު ރީތި ބޮނޑިއެއް ލިބުނީހެވެ. މިއީ އަދި ޣަފޫރެއް ނޫންތާއެވެ.
ޝާހިރަށް ޣަފޫރު އަދި ފެނިފައެއް ނެތެވެ. ކޮށިގަނޑުގައި އިނީ ޣަފޫރުކަމަށް އޭނާއަށް ނިންމުނީ މާއިޝާ ބުނި އެއްޗެއްގެ ސަބަބުންނެވެ. ކޮށިގަނޑުގައި އިންނާނީ ބައްޕައޭ ބުނުމުންނެވެ. މާއިޝާއަކީ ވެސް ފިހާރައަށް އައިސް އުޅޭ ކުއްޖެއް ނޫނެވެ. އެހެންކަމުން އޭނާއަށް ނޭނގުނީއެވެ.
“ޣަފޫރާ ބައްދަލުކޮށްލެވިދާނެތަ؟” ފިހާރައަށް ވަން މީހާ މައްޗަށް އެރުމުން ސައީދު ގާތުގައި ޝާހިރު އަހައިލިއެވެ.
“ކީކޭ ބުނަންވީ؟”
“ބުނޭ މީހަކު ބައްދަލުކޮށްލަން އައިސް އެބަ ހުއްޓޭ.”
ސައީދު ފޯނު ނަގައި ޣަފޫރަށް ގުޅައިލިއެވެ.
“ދެންމެ އެ އެރި މީހާ ފޭބީމާ މައްޗަށް އަރާ!” ސިޑި ދައްކައިލަމުން ޝާހިރު ގާތު ސައީދު ބުންޏެވެ.
ޝުކުރު އަދާކޮށްފައި ޝާހިރު މަޑުކޮށްލިއެވެ. ފަސްވަރަކަށް މިނެޓް ފަހުން އެ މީހާ ފައިބައިގެން ހިނގައްޖެއެވެ. ޝާހިރު ވަގުތުން ސިޑިން މައްޗަށް އަރައިފިއެވެ. އޭނާ އޮފީހު ދޮރުގައި މަޑުމަޑުން ޓަކިޖަހާލުމަށްފަހު، ދޮރު ހުޅުވާލިއެވެ. ދިރާ ދިމާއަށް ހުރި މޭޒު ދޮށުގައި ޣަފޫރު އިނެވެ. ޝާހިރު އޮފީސް ތެރެއަށް ނަޒަރު ހިންގައިލިއެވެ. ޣަފޫރު ފިޔަވައި އިތުރު މީހަކު އެ ތާކު ނެތެވެ.
“ވަދޭ!” ކޮންޕިއުޓަރަށް ބަލަހައްޓައިގެން އިން ޣަފޫރު، އައިނު މަތިން ޝާހިރާ ދިމާއަށް ބަލައިލަމުން އިޝާރާތްކޮށްލިއެވެ.
ޝާހިރު މަޑުމަޑުން ގޮސް މޭޒު ކައިރިއަށް ހުއްޓުނެވެ. އޭރު އޭނާގެ ހިތް ތެޅެމުންދެއެވެ. ވާހަކަ ފަށާނެ މާ މޮޅު ގޮތެއް، އޭރު ވެސް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ.
“ކޮން ކަމަކު؟”
“މި…. މީ….” ޣަފޫރުގެ ސުވާލާ އެކު، ޝާހިރުގެ އަނގަ އޮޅި، ދޫ ގޮށްޖެހޭގޮތްވިއެވެ.
“ކުރިން ސިޓީއެއް ލައިފައިތަ އޮންނާނީ؟” ޣަފޫރަށް ހީކުރެވުނީ، އެއީ އެހީއެއް ހޯދަން އައިސް ހުރި މީހެއް ކަމަށެވެ.
“ނޫން!”
“އެހެންވިއްޔާ ސިޓީއެއް ލިޔެލައިގެން އާދޭ!” ޣަފޫރު އެދުނެވެ.
“ސިޓީއެއް؟” ސުވާލުގެ ނަޒަރަކުން ޣަފޫރުގެ މޫނަށް ޝާހިރަށް ބަލައިލެވުނެވެ. މުއްސަނދިންނަށް މި ކަހަލަ ކަންކަން ވެސް އަންގަން މި ޖެހނީ ސިޓީއަކުން ހެއްޔެވެ؟
“އާނ! ލިޔެކިޔުމުން ފެންނަން އޮންނަންވާނެ!”
“ކީކޭތޯ ސިޓީގައި ލިޔަންވީ؟”
“އެހީ ބޭނުންވާ ސަބަބު ރަނގަޅަށް ބަޔާންކޮށްފައި، ބޭނުންވާ އެހީގެ މިންވަރު ލިޔުނީމަ ރަނގަޅު ވާނެ!”
ޣަފޫރަށް ވިސްނިގެން އުޅޭ ގޮތް ޝާހިރަށް ނަގައިގަނެވުނީ އަދި ކިރިޔާއެވެ. “އަޅުގަނޑު މި އައީ އެހީއަކަށް އެދޭކަށް ނޫން! އަޅުގަނޑު މި އައީ ވާހަކައެއް ދައްކާލަން.”
“ކޮން ވާހަކައެއް؟” ސަމާލުކަމުގެ ނަޒަރަކުން ޝާހިރުގެ މޫނަށް ޣަފޫރު ބަލައިލިއެވެ.
“މާއި….. ބުނެގެން؟”
“މާއިއޭ؟ ކޮން މާއިއެއް؟” ޣަފޫރަށް އަހައިލެވުނެވެ.
“މާއިޝާ…”
“މާއިޝާ!!” ޣަފޫރުގެ ދެ ބުމަ ގޮށްޖެހުނެވެ. މޫނުމަތި ސުވާލުމާކުން ފުރުނެވެ. “ކޮން މާއިޝާއެއް؟ މަގޭ މާއިޝާތަ؟”
“ލައްބަ!”
“މާއިޝާ ބުނެގެން ވާހަކައެއް ދައްކަން ތި އައީ؟”
“ލައްބަ!”
“ތީ…؟ ތީ ކޮން ކުއްޖެއް؟”
“މާއިޝާގެ ރައްޓެހި ކުއްޖެއް!”
“މާއިޝާގެ އަތުގައި ފޯނެއް އޮންނާނެ. އެހެންނޫނަސް ދެންމެ އަހަރެން ގެއިން މި އައީ ވެސް. ކީއްވެ މަގޭ ގާތަށް މީހަކު ފޮނުވަން ޖެހުނީ؟” ޣަފޫރުގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ.
“މާއިއަށް ބުނަން ނުކެރިގެން.”
“ކޮން ވާހަކައެއް؟ ދެން ބުނަން ކެރޭ މީހާ ބުނެބަލަ!”
“މާއި…. މާއި ބުނީ…. އޭނަ ކުއްޖަކާ ރައްޓެހިވިޔަސް އެންމެ ރަނގަޅުހޯ؟”
ޝާހިރާ ދިމާއަށް ކަޅި ހުއްޓާލައިގެން އިން ޣަފޫރަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުވެސް ދަންނަ މީހަކު ފޮނުވާފައި، އެ ފަދަ ސުވާލެއް މާއިޝާ ކޮށްފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
ޣަފޫރުގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރު ވާންފެށުމުން، ޝާހިރުގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. ހިތުގެ ތެޅުން އައީ ހަލުއިވަމުންނެވެ. ފިނިކޮށްފައި ހުރި އެ ކޮޓަރި، ވަށައިގެން އަންދަމުންދާ ތަނަކަށްވެ، ތިއްކަކު ފުލު ތިއްކެއް ފައިބުޑަށް ޖަހަން ފަށައިފިއެވެ.
“ބުންނަ އައި ވާހަކަ ބުނެ ނިމުނީތަ؟” ޝާހިރު ސިހުނެވެ. ޣަފޫރުގެ އަޑު ކަންފަތުގައި ޖެހިފައެވެ.
“ލައްބަ!”
“އެހެންވިއްޔާ ދެން އެންމެ ރަނގަޅު ދިޔަޔަސް.”
ސުވާލުގެ ޖަވާބަކީ ކޮބައިތޯ އަހަން ޝާހިރު ބޭނުންވިއެވެ. އެހެންނަމަވެސް އެ ފަދަ ހިތްވަރެއް ނުލިބުނެވެ. ކުޑަމިނުން އިތުރަށް އެންމެ ސިކުންތަކަށް ވެސް މަޑުކޮށްލާކަށް ނުކެރުނެވެ. ޖެހިލުންވެ ހުރެ އަވަސް އަވަހަށް ހިނގައިގަނެވުނީ އެ ތަނުން ނިކުންނާށެވެ. އޭރު ވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. ހިތަށް އަރަމުން ދިޔައެވެ. މި ކުރެވުނީ ކޮން ކަހަލަ ކަމެއް ބާވައެވެ؟ މި ކަމުގެ ނަތީޖާ ނިކުންނާނީ ކޮން ގޮތަކަށް ބާވައެވެ؟
ފިހާރައިން ނިކުތް ގޮތަށް، ލަހެއް ފަހެއް ނެތި އޭނާ ގުޅީ މާއިޝާއަށެވެ. އޭރު މާއިޝާ ވެސް އިނީ އެ ފޯނުކޯލުގެ އިންތިޒާރުގައެވެ. ބައްޕައާ ބައްދަލުކުރާން ޝާހިރު ދިޔައިއްސުރެ އޭނާއަށް އިނދެވުނީ ނޭވާ އަވަސްވެފައެވެ. ޝާހިރު ގުޅީ އޭނާގެ ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަން ހިނދެއް ހިނދަކަށް އިތުރުވަމުން ގޮސް ކޮޅުންލައި ވަރުވެފައި ވަނިކޮށެވެ.
“ކީކޭ ބައްޕަ ބުނީ؟” ފޯނު ނެގިގޮތަށް މާއިޝާއަށް ފުރަތަމަ ވެސް ކުރެވުނީ މި ސުވާލެވެ.
“އެއްވެސއް އެއްޗެއް ނުބުނޭ!”
“އެއްވެސް އެއްޗެއް ނުބުނެއޭ؟”
“އާނ! މަ އެ ވާހަކަ ބުނީމަ ބުނީ ދެން އެންމެ ރަނގަޅޯ ދިޔަސް. ދެން އަހަރެން އަވަހަށް ނިކުމެގެން މި އައީ.”
“ބައްޕަ ހިތްހަމަ ނުޖެހުނީ ކަންނޭނގެ!” މާއިޝާގެ ކަންބޮޑުވުން ކުރިއަށް ވުރެ ވެސް އިތުރުވިއެވެ. “ދެން ކިހިނެއް ހަދާނީ؟”
“ގޯސްކޮށް ނުވިސްނަމާ!”
“އެކަމަކު އަހަރެން އެބަ ވަރަށް ބިރުގަނޭ. ދެން ނުކެރޭނެ ބައްޕައަށް ފެންނަން ވެސް.” މާއިޝާގެ ހިތް ތެޅެމުންދެއެވެ.
“މާއި ބައްޕައަކީ އެހައި ގޯސް މީހެއް ނޫން! އަހަރެންގެ ހިތް ބުނަނީ ރަނގަޅުވާނެއޭ.”
މާއިޝާގެ ހިތަށް ފިނިކަން ހޯދައިދިނުމަށް ޓަކައި ވަރަށް ގިނަ ވާހަކަ ޝާހިރު ދެއްކިއެވެ. ޝާހިރުގެ ވާހަކަތަކުން މާއިޝާގެ ސިކުނޑިއަށް ލުއިކަން ލިބުނެވެ. އެހެންނަމަވެސް އެ ލުއިކަން ވީ ވަގުތީ ލުޔަކަށެވެ. ޝާހިރު ފޯނު ބޭއްވުމާ އެކު ވަސްވާސްތަކުން އެ ހިތް ފުރި ބަންޑުންވެއްޖެއެވެ.
އަސުރަށް ފިހާރަ ބަންދުކުރުމުން، ޣަފޫރު މިސްރާބުޖެހީ ގެއާ ދިމާއަށެވެ. އޭނާ ބޭނުންވަނީ މާއިޝާއާ އެ ވާހަކަ ދައްކާށެވެ. އެހެންކަމުން އޭނާ ގެއަށް ދިޔަ ގޮތަށް، މިސްރާބުޖެހީ މާއިޝާގެ ކޮޓަރިއާ ދިމާއަށެވެ.
ކޮޓަރި ހުރީ ތަޅުލާފައެވެ. ޣަފޫރު ޓަކިޖަހައިލިއެވެ. ކުޑަ އިރުކޮޅަކުން މާއިޝާ އައިސް ދޮރު ހުޅުވިއެވެ. ޣަފޫރު ފެނުމާ އެކު މާއިޝާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. އޭނާއަށް ވަގުތުން އިސް އޮބައިލެވުނެވެ. ބޮޑު ކުށްވެރިއެއް ފަދައިންނެވެ.
މާއިޝާއަށް އައި ބަދަލު ޣަފޫރަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އެއިން ކަމެއް ފާހަގަކުރެވުނުކަމަށް ނުހަދައި، އޭނާ ކޮޓަރިއަށް ވަނެވެ. ޖައްސައިލީ މާއިޝާގެ އެނދުގައެވެ.
“ދަރިފުޅާ! އައިސް މިތާ އިށީނދެބަލަ!”
މާއިޝާ ވަރަށް ޖެހިލުންވެ ހުރެ އައިސް އެނދުގައި އިށީނދެއްޖެއެވެ. އޭރު ވެސް އޭނާ ހުރީ އިސް އުފުލައި ޣަފޫރާ ދިމާއަށް ބަލައިލާން ވެސް ނުކެރިފައެވެ.
“މިއަދު ބައްޕަ ގާތަށް ކުއްޖަކު އައިސް ފާޑެއްގެ ވާހަކައެއް ދައްކައިފި.”
ބައްޕަގެ އެ ޖުމުލަ ކަންފަތާ ހަމައަށް ފޯރުމާ އެކު މާއިޝާއަށް އިނދެވުނުތަން ވެސް ނޭނގުނެވެ. ހިތަށް އެރިހައި އެއްޗެހިތަކެއް ބުނެދޭން ވެސް ނޭނގެއެވެ. ވައިގެ ތެރެއަށް އަރައިގެން ދާނެ ނަމައެވެ. ބިން ފަޅައި އަޑިއަށް ފައިބައިގެން ދާނޭ ނަމައެވެ. އެނދުގައި އޮތް ގޮދަޑިތެރެއަށް ހިނދިގެން ދާނޭ ނަމައެވެ. އެނދުމަތީގައި އޮތް ބާލީހަށް ނުވަތަ ކަންނޭލަށް ވާނޭ ނަމައެވެ. މި ކަހަލަ އެތައްއެތައް ނަމައެއް އޭނާގެ ހިތަށް ވެރިވިއެވެ. އެހެންނަމަވެސް އެއިން އެއް ކަމެއް ވެސް ނުވެ. އިންނާން ޖެހުނީ ބައްޕަ ގާތުގައެވެ.
“ދަރިފުޅު ފޮނުވައިގެން އައި މީހެއްތަ އެއީ؟”
މާތްކަލާކޯއެވެ! މިއީ ކޮން ފަދަ އިމްތިހާނެއް ހެއްޔެވެ؟ ނޫނެކޭ ބުނެ ދޮގު ހަދަންވީ ބާވައެވެ؟ އެހެން ހަދައިފި ނަމަ ބައްޕަގެ ކުރިމަތީގައި ދޮގުވެރިއަކަށްވެ، ކުށްވެރިވާނީ ޝާހިރެވެ. އާއެކޭ ބުނެފި ނަމަ ދެން ބައްޕަ ބުނާނީ ކީކޭ ކަމެއް ވެސް ނޭނގެއެވެ. ރުޅި އައިސްގެން އެއްޗެއް ބުނެފިއްޔާ….
“ބައްޕަ ކުރި ސުވާލަށް، ދަރިފުޅުގެ ތިޔަ ހަމަހިމޭންކަން ޖަވާބު ދީފި! އެހެންވިއްޔާ ބުނެބަލަ! އެއީ ކާކު؟”
ވަރަށް ހިތްވަރުކޮށްފައި ޣަފޫރުގެ މޫނަށް މާއިޝާ ބަލައިލިއެވެ. މާއިޝާގެ މޫނުމަތީން އުފުލެމުން ދިޔަ ދާތިކިތައް ޣަފޫރަށް ފެނުނެވެ.
“ޝާހިރު.” މަޑުމަޑުން މާއިޝާ ބުންޏެވެ.
“އެއީތަ ދަރިފުޅު ރައްޓެހިވާން ބޭނުންވާ ކުއްޖަކީ؟”
ގަތް ލަދެއްގެ ބޮޑުކަމުން މާއިޝާގެ މޫނުމަތި ރަތްވެގެން ދިޔައެވެ. ބައްޕަގެ އެ ސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލަން އުޅެއުޅެ ބޮލެއް ވެސް ހަރަކާތެއް ނުކުރިއެވެ. އެހެންނަމަވެސް ހަރަކާތްކުރިއެވެ. މާއިޝާއަށް އެކަން ނޭނގުނީއެވެ. ޣަފޫރުގެ ސުވާލަށް ޖަވާބު ލިބިއްޖެއެވެ.
“ބައްޕަގެ ހިތް ބުނަނީ ޝާހިރަކީ ވަރަށް ރަނގަޅު ކުއްޖެކޭ. ދަރިފުޅަށް ޝާހިރު ކަމުދަންޏާ ބައްޕަގެ މައްސަލައެއް ނެތް.”
ޣަފޫރުގެ މި އުފާވެރި ޖުމުލައާ އެކު، މާއިޝާގެ ހިތް ނަށައިގަތެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން މި ވަގުތު އޭނާ ބޭނުންވަނީ ވަރަށް ބާރަށް ހޭންފަށާށެވެ. ޝުކުރިއްޔާއޭ ބުނެ ބައްޕަގެ ގައިގައި އޮޅުލައިގަންނާށެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑަކަށް އެއްވެސް ހަރަކާތެއް ނައެވެ. ބައިންދާފައި އިން ބުދެއް ފަދައިން އިނީއެވެ. ބައްޕަ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހާށެވެ.
ޝާހިރާ ރައްޓެހިވާން ޣަފޫރު ހުއްދަ ދިން ނަމަވެސް ވަރަށް ގިނަ ޝަރުތު އޭނާ ހުށަހެޅިއެވެ. ޝާހިރާ އެކު ބޭރަށް ގޮސްގެން ނުވާނެއެވެ. ގެއަށް ގެނަޔަސް ސިޓިންރޫމު ނޫން ތަނެއްގައި ނުތިބެވޭނެއެވެ. ހަފުތާއަކު އެއް ފަހަރަށް ވުރެ ގިނައިން ގެއަކަށް ނުގެނެވޭނެއެވެ. ގެއަށް ގެންނަ ދުވަހު، ގެއަށް ގެނައުމުގެ ކުރިން ޣަފޫރު ގާތު ބުނަންޖެހޭނެއެވެ. ކުރިއަށް އަދި އޮތީ ކިޔެވުމުގެ ދުވަސްތައްކަމަށް ވާތީ، ކިޔެވުމަށް އެޅޭ ހުރަހަކަށް އެ ގުޅުން ވިޔަދީގެން ނުވާނެއެވެ. ޣަފޫރުގެ މި ހުރިހައި ޝަރުތަކަށް މާއިޝާ އެއްބަސްވިއެވެ.
ޣަފޫރު ދިޔުމާ އެކު މާއިޝާ އަވަސްއަވަހަށް ފޯނުކޮށް ޝާހިރަށް މި އުފާވެރި ޚަބަރު ދިނެވެ. ޝާހިރު ވެސް އެކަމާ ވަރަށް އުފާކުރިއެވެ. އަދި ބައްޕަގެ އެ ޝަރުތުތަކަށް އިހުތިރާމް ކުރާނޭކަމަށް ބުންޏެވެ.
މިހާރަކަށް އައިސް ޖަމީލާ އަބަދު ވެސް ހުންނަނީ ނާއުއްމީދުގެ ފުން ކަނޑެއްގެ ތެރޭގައެވެ. ހަޔާތުގެ ކަންކަން ބައްޓަންވަމުން ފުރޮޅެމުން ދާ ގޮތުން، ހިތަށް ވެރިވާ ނުތަނަވަސްކަމުގެ ބިޔަ ރާޅުތައް އޭނާގެ ހިތާއި ނަފުސު ކުދިކުދިކުރަމުން ގެންދެއެވެ. ޣަފޫރާ ކައިވެނިކޮށްގެން އެ ގޭގެ އޮޅި ފުރަތަމަ ގިރާ ކޮށްލި ދުވަހު، ހިތުގައި ވަރުގަދަ ޢަޒުމެއް އޭނާ ކަނޑައެޅިއެވެ. އެހެންނަމަވެސް އެ އަޒުމު ކާމިޔާބު ވެދާނޭކަމާ މެދު މިހާރު އޭނާގެ ހިތުގައި ވަނީ ޝައްކު އުފެދިފައެވެ. އުއްމީދުގެ ހުޅުކޮޅެއް ދޭތެރެއަކުން ދިއްލިލައިފައި ވެސް ނިވިއްޖެއެވެ.
މިހާރަކަށް އައިސް ޣަފޫރު އޭނާއާ ވަރަށް ދުރެވެ. ވާހަކަ ދެއްކުން އިންތިހާއަށް މަދުވެއްޖެއެވެ. އެއްވެސް ކަމަކާ ޚިޔާލު ބަދަލުކޮށްލުމެއް، މަޝްވަރާކޮށްލުމެއް ނޯވެއެވެ. ކޮންމެވެސް ގޯހެއް އެބަ ހިނގައެވެ. ޖަމީލާގެ ހިތުގައި ބިރުވެރިކަމުގެ ރަނގަބީލެއް ޖެހޭންފެށީ މި ކަހަލަ ޚިޔާލުތައް ވެރިވާން ފެށުމުންނެވެ.
މޫސަބޭ ތަންކޮޅެއް އަވަހަށް ރާއްޖެ އަންނާނޭ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރި ވަގުތު އޭނާ ފޯނު ނަގައި، މޫސަބެއަށް ގުޅާލައިފިއެވެ. ނަސީބަކުން ގުޅިއްޖެއެވެ. އޭގެ މާނައަކީ މޫސަބޭ ރައްޖޭގައި އެބަ ހުއްޓެވެ. ޖަމީލާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. އުއްމީދު އައުވިއެވެ.
“ކޮން އިރަކު އައީ މޫސަބޭ؟” މޫސަބޭ ފޯނު ނެގުމާ އެކު ޖަމީލާއަށް ބާރުބާރަށް އަހައިލެވުނެވެ.
“އިއްޔެ.”
“އިރުކޮޅަކުން އެބަ ދަން އިނގޭ!”
ފޯނު ބައްވާފައި އަވަސްއަވަހަށް ތައްޔާރުވެލައިގެން މޫސަބޭމެން ގެއަށް ޖަމީލާ ހިނގައްޖެއެވެ. އޭރު މޫސަބޭ އުޅެނީ، ބޭރުން އައި އިރު ގެނައި ބައެއް ކަހަލަ މުދާތައް ފޮށިފޮށިން ނަގައި ތަރުތީބު ކުރުމުގައެވެ.
“އާނ! ޖަމީލާ! ވަދޭ!”
ޖަމީލާ ވަދެ ގޮނޑިއެއްގައި ޖައްސާލިއެވެ.
“ކިހިނެއްތަ ކަންތައްތައް ޖަމީލާ؟”
“މުޅިން ގޯސް!” ވަރަށް ކުރު ގޮތަކަށް ގެތެރޭގެ ކަންކަން ހުރި ގޮތް ޖަމީލާ ކިޔައިދިނެވެ.
“މޫސަބޭ ފުރުމުގެ ކުރިން އެ މަންޖެއާ ކައިވެނިކޮށްފައި މިކަން މަށަށް ކޮށްލަދޭންވީނު!”
“ޖަމީލާ!” މޫސަބޭ އައިސް ޖަމީލާގެ ގާތުގައި އިށީނދެ ވާހަކަ ފެށިއެވެ. “ޖަމީލާ ކިތަންމެ ބޭނުންވިޔަސް، އެ މަންޖެ މަށާ އިންނަން ބޭނުން ނުވާކަން މަށަށް އެނގޭ! އެހެންވެ މިކަން ނުފެށިގެން މި އުޅެނީ.”
“ކާކު ބުނި ވާހަކައެއް ތީ؟” އަވަސް އަވަހަށް ޖަމީލާއަށް އަހައިލެވުނެވެ.
“އެ މަންޖެ ހުންނަ ގޮތުން މަގޭ ހިތް ބުނާ އެއްޗެއް މީ؟”
“ތީ ހަމަ ކުށް ހީއެއް! އެ މަންޖެ ގެނެސް މޫސަބޭގެ ކުރިމަތީގައި ބަހައްޓާފައި އަހަންތަ؟”
“އަޅެ އަހާބަލަ! އޭނާ ހިތުން ރުހުމުން އެއްބަސް ވެއްޖިއްޔާ މަސައްކަތް ފަށާނަން ވަގުތުން.”
ޖަމީލާ ތެދުވިއެވެ. މާދަމާ ސަލީމާ ގޮވައިގެން އަންނާނަމޭ ބުނެފައި އެ ގެއިން ނިކުމެއްޖެއެވެ.
ޖަމީލާއަށް ގެއަށް ދެވުނީ އިރުއޮއްސުނު ފަހުންނެވެ. ގެއަށް ވަނުމާ އެކު ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ، ސިޓިން ރޫމުގައި އިން މާއިޝާގެ އުފާވެރި މޫނެވެ. ވަރަށް ހިނިއައިސްފައި ފޯނުން މީހަކާ ވާހަކަދައްކަން އިންތަން ފެނުމާ އެކު، ހަސަދައިގެ ދިލަ ހޫނުން ޖަމީލާގެ މޭ ފިހުނެވެ. ދެ ދަތްޕިލަ ޖެހި ބާރުވިއެވެ. ދެ ބުމަ ގޮށްޖެހުނެވެ. މޫނުމަތި ބަނަވެގެން ދިޔައެވެ. މި ކަންކަމުން އެ ކުއްޖާއާ މެދު އޭނާގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަން ހާމަވިއެވެ.
ޖަމީލާ ފުށުން ފެންނަ އެ ފަދަ ކުލަތަކަކަށް، މާއިޝާ މިހާރު އަޅައެއް ނުލައެވެ. އިއްޔެ އެ ކަންކަމާ މެދު އޭނާ ދެރަވެ ހިތާމަ ކުރިޔަސް، މިއަދު އޭނާއަކަށް އެ ކަންކަން ކަމަކަށް ނުވެއެވެ. ޝާދިޔާ ދައްތަ ދިން ނަސޭހަތަށް ފަހު، އޭނާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ. ކަމަކާ ފިކުރު ބޮޑުވެ ކަންބޮޑުވާ ގޮތް ވެލާއިރަށް ވެސް، އޭނާ ގުޅައިލަނީ ޝާދިޔާއަށެވެ. އެ ކަމެއް ހިއްސާކޮށްލުމުން ހިތަށް ފިނިކަން ލިބެއެވެ.
މި ވަގުތު ވެސް މާއިޝާ ގުޅައިގެން އެ އިނީ ޝާދިޔާއަށެވެ. ޝާހިރު ގޮސް ބައްޕައާ ބައްދަލުކުރި ދުވަހުގެ ކަން ދިމާވި ގޮތާއި އެ ދުވަހު ބައްޕަ އައިސް ދެއްކި ވާހަކަތައް ޝާދިޔާއާ ހިއްސާކުރަނީއެވެ. ޝާހިރު އެ ދުވަހު އުޅުނު ގޮތުގެ ވާހަކަ ޝާދިޔާއާ މާއިޝާ ހިއްސާކުރީ ހެމުންނެވެ. އަޑުއަހާފައި ޝާދިޔާ ވެސް ވަރަށް ހުނުނެވެ.
“ކޮންމެވެސް އެއް ދުވަހަކުން ޖެހޭނެ ދައްތައާ ޝާހިރާ ބައްދަލުކޮށްދޭން!”
“އާނ! ކޮންމެވެސް ދުވަހަކުން ދޯ! އެހެންނޫނީ ޝާހިރަށް ދެންތަ ޝާދިޔާ ދައްތަގެ ނަންބަރު؟ ދީފައި ބުނަންތަ ގުޅައިލާށޭ!”
“ނޫނޭ! ތި ގޮތެއް ކަމަކު ނުދާނެ! ދަރިފުޅާ އެކުގައި ބައްދަލުކުރާނީ.”
ޝާދިޔާއާ ވާހަކަ ދައްކަން މާއިޝާ އިންދާ، މާއިޝާއާ ދިމާއަށް ކަޅިއަޅަމުން ޖަމީލާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އޭނާގެ މަކަރުވެރި ރޭވުންތަކާ އެއް ގޮތަށް ކަންކަން ކުރިއަށް ނުދާތީ، މާއިޝާއާ މެދު އުފެދިފައިވާ ނަފުރަތުގެ އަލިފާންގަނޑު މިހާރު ވަނީ ވަކީން ބޮޑުވެފައެވެ.
ބާރު ހިނގުމެއްގައި ޖަމީލާ ގޮސް ކޮޓަރީ ދޮރު ހުޅުވައިލިއެވެ. އެއާ އެކު އޭނާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ކޮޓަރީ އަލަމާރި ކައިރީގައި ހުރި ޣަފޫރު ފެނިފައެވެ. ޣަފޫރު އޭރު ހުރީ ފޯނެއްގައިއެވެ. ދޮރު ހުޅުވާލި ވަގުތު ޣަފޫރު ބުނި ޖުމުލަ ޖަމީލާގެ ކަންފަތާ ހަމައަށް ސާފުކޮށް ފޯރިއެވެ.
“ކެތް ކޮށްލާ! ދެން ނުވާނެ މާ ގިނަ ދުވަހެއް!”
ޖަމިލާ ފެނުމާ އެކު އަވަސްއަވަހަށް ޣަފޫރު ފޯނު ބޭއްވިއެވެ. ފަހުން ގުޅާނަމޭ ބުނެފައެވެ. އެއަށްފަހު އޭނާ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ޖަމީލާއާ އަނގައިން ނުބުނިތާނގައި، ބަލައި ވެސް ނުލިއެވެ.
މިއީ އާންމުކޮށް ޣަފޫރު ގެއަށް ނާންނަ ވަގުތެއްކަމުން، ކޮޓަރީގައި ޣަފޫރު ހުރެދާނޭ ކަމަކަށް ޖަމީލާ ހިޔެއް ނުކުރެއެވެ. ޣަފޫރު ނިކުމެގެން ދިޔުމުން ވެސް ޖަމީލާއަށް އެ ހުރި ފިޔަވަޅު މަތީގައި ހުއްޓުން އަރާފައި ހުރެވުނެވެ. އޭރު އޭނާގެ ސިކުނޑީގައި ގުގުމާފައި ވަނީ ޣަފޫރު އޭރު ބުނި ބިރުވެރި ޖުމުލައެވެ.
“ކެތް ކޮށްލާ! ދެން ނުވާނެ މާ ގިނަ ދުވަހެއް.” ޖުމުލައި އަޑު ހިނދެއް ހިނދަކަށް ބާރުވަމުން، ގަދަވަމުން ގޮސް، ޖަމީލާގެ ސިކުނޑި ފަޅައިލާން އުޅޭ ކަހަލައެވެ.
އަނެއްކާ ވާން މި އުޅެނީ ކިހިނެއް ބާވައެވެ؟ ޣަފޫރު އެހެން ކަމެއް ކުރަނީ ބާވައެވެ؟ އެހެން އަންހެނަކު މި ގެއަށް ގެންނަން އުޅެނީ ބާވައެވެ؟ އެހެންވެއްޖެ ނަމަ…….. އަހަރެން ބާކީ ވާނެއެވެ. ބޭކާރު ވާނެއެވެ. ވަރިކޮށްލާނެއެވެ. ޖެހޭނީ ހުސް އަތާ ނިކުންނާށެވެ. އުޅެވުނު ރީތި ގޮތާއި ކުރެވުނު މޮޅު ކަންތަކުގެ މައްޗަށް ކަރުނަ އޮހޮރަމުންނެވެ.
ހާސްވެ ކަންބޮޑުވިލެއް ބޮޑުކަމުން ޖަމީލާއަށް ދުއްވައިގަނެވުނީ ސަލިމާގެ ކޮޓަރިއާ ދިމާއަށެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. ދެ ލޯ ހުރީ ބޮޑުވެފައެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ތަޅުގައި ހިފިއެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. ޖަމީލާއަށް ދޮރުފަތުގައި ތަޅައިގަނެވުނެވެ.
އިރުކޮޅަކުން ސަލީމާ އައިސް ދޮރު ހުޅުވިއެވެ. ސަލީމާ މޫނުމަތީންނާއި ބޮލުގެ އިސްތަށިގަނޑުން އެނގެނީ އޭނާ އެ އައީ އޮށޯވެ އޮވެފައި ކަމެވެ. ދާވެ ތެޔޮވެފައި ހުރި މޫނުމަތި ބުނަނީ ހަވީރު ފެން ނުވަރާ ހުރި ވާހަކައެވެ.
“ކިހިނެއްވީ؟” ޖަމީލާ ހުރި ގޮތް ފެނިފައި ސަލީމާއަށް އަހައިލެވުނެވެ.
“ކިހިނެއް ނުވަނީ؟” ޖަމީލާ ކޮޓަރިއަށް ވަދެ، ދޮރުލައްޕާ ތަޅުލިއެވެ. “ކޮޓަރީތެރޭ ކީއްތަ ތިޔަ ކުރަނީ؟ ދުނިޔޭގައި ހިނގާ އޮޔާއި ވައި އެނގޭތަ؟” ޖަމީލާގެ އަޑުގައި ހުރި ހާސްކަން އޭނާގެ މޫނުމަތިން ފެންނާން ހުއްޓެވެ.
“އާނ! އެނގޭ! މިއަދު ވެސް މަންމަ މި ގޭން ދިޔައީއްސުރެ މާއިޝާ އެ އިނީ ކޮންމެވެސް ފިރިހެނަކަށް ފޯނުކޮށްގެން ހީނހީނފައި ވާހަކަ ދައްކަން.” ސަލީމާގެ މޫނުމަތިންނާއި އަޑުން ފާޅުވީ ރުޅިވެރިކަމާއި ޝަކުވާއެވެ. އޭނާ ހީކުރި މާއިޝާ ވާހަކަދެއްކީ ޝާހިރާ ކަމަށެވެ.
“ތި ވާހަކައެއް ނޫނޭ މި ދައްކަނީކީ.”
“އެކަމަކު މިއީ ވެސް ކިހައި ބޮޑު ކަމެއްތަ؟”
“ތި ވާހަކަ ބާއްވާފަ މި ވާހަކަ އަޑުއަހާބަލަ!”
“ކޮން ވާހަކައެއްތަ؟” ސަލީމާ ދެއްކި ވާހަކައާ ޖަމީލާ އަޅައިނުލުމުން، ސަލީމާ ގާތަށް ރުޅިއަތުވެއްޖެއެވެ. “މަ ދައްކާ ވާހަކަ އަޑު ނާހަންޏަކާ މަށެއް ވެސް ތި ވާހަކަ އަޑުއަހާކަށް ނޫޅެން.”
“ކީކޭ؟ އަޑެއް ނާހާނަމޭ؟” ޖަމީލާ ފުންމައިގެން ގޮސް، ސަލީމާގެ ކުރިމައްޗަށް ޖެހިގަތެވެ. “ކަލެއަށް ފެނޭތަ ތިހިރަ ގަޑި؟” ފާރުގައި ހުރި ގަޑިއަށް ޖަމީލާ އިޝާރާތްކުރިއެވެ. “ގަޑި އެ ހިނގާ ހިނގުން ކަލެއަށް ހުއްޓުވިދާނެތަ؟ އެން؟ ބުނެބަލަ! ނުހުއްޓުވޭނެ! އެކަކަށް ވެސް ނުހުއްޓުވޭނެ!” ޖަމީލާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “ގަޑި އެ ހިނގާ ކޮންމެ ސިކުންތަކާ އެކު އަހަރެމެންގެ ބަދުނަސީބުގެ ވަގުތު އެހެރަ އަންނަނީ ކުޑަތަންވަމުން. ކަރަށް ފެތޭން އަންނަ މަޅިގަނޑު އެހެރަ އަންނަނީ ތިރިވަމުން.”
ޖަމީލާ އެ ކިޔާ އެއްޗެއް ސަލީމާއަކަށް ނުވިސްނުނެވެ. އޭނާއަށް ހުރެވުނީ ޖަމީލާގެ ދަލުން ތެމި ފޯވަމުން ދާ މޫނަށް ބަލަހައްޓައިގެނެވެ. ބޮޑުވެ ރަތްވަމުން އަންނަ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ.
“މަގޭ މަޤާމު ޖަހައިގަންނަން އެހެން އަންހެނަކު އަންނާކަށް ދެން ނެތް މާ ގިނަ ދުވަހެއް!” ޖަމީލާގެ ރުޅިވެރިކަމުން ފޯވެފައިވާ އަޑުގައި، ހިތާމައިގެ އަސަރު އެކުލެވުނެވެ. “މަ ދައްކާ ވާހަކަ އަޑު ނާހާނަމޭ ކިޔައި ހަޅޭއްލަވައި ތިޔަ ގަންނަނީ، ކުރިމަތީގައި ހުރި އަނދިރި ވަޅުގަނޑު ކަލެއަށް ނުފެންނާތީ. މިހާރު މި އޮތީ ވަރަށް ކުޑަކުޑަ ފުރުސަތެއް. މި ފުރުސަތުގެ ބޭނުން ނުހިފެއްޖިއްޔާ އަހަރެމެންގެ ދުވަސް ދާނެ!”
“ކީކޭތަ ތި ކިޔަނީ؟” ސަލީމާ އަދިވެސް ފިންޏެއް ނުވެއެވެ.
“މި ކިޔާ އެއްޗަކީ ބަހަނާތައް ނުދައްކާ މޫސަބެއާ ކައިވެނިކުރަން އެއްބަސްވާށޭ! އެހެން އެއްވެސް ގޮތެއް ދެނެއް ނެތޭ! އޭނަ އެބަ ހުރި މިހާރު މާލެއައިސް. އެނގިއްޖެތަ؟”
“ތި މޫސަބެއަކާ ހެދި ކިހައި ބޮޑު މުސީބާތެއްތަ މި އޮތީ ޖެހިފަ! މަންމަ ގޮސް އޭނައާ އިނދެބަލަ!”
“ސަލީމާ……!”
ޖަމީލާގެ ބާރު އަޑާ އެކު، އޭނާގެ ހޫނު އަތް ސަލީމާ މޫނުމައްޗަށް އަރައިފިއެވެ. ވީ ތަދެއްގެ ބޮޑުކަމުން ސަލީމާއަށް މޫނުމަތީގައި އަތް އެޅުނެވެ. ދެ ލޮލުން ކަރުނަ ހިލުނެވެ. މަންމަ ކިތަންމެ ރުޅި އަޔަސް ، މިހާރު އެ ގޮތަށް އަތް އިސްކޮށްފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
“ހުރި ގޮތްކުޑަކަން ނިކަން ދެކިބަލަ! މަށަކީ ކަލޭ ބަނޑުއަޅައި ވީހޭ މައިމީހާއޭ! ހިތަށް އެރިހައި އެއްޗެއް ތިހިރަ ކިޔަނީ! މަގޭ މޫނުމަތީގައި ކޮޅުފައިން ޖަހާފައި މާ މޮޅުގޮތެއް ކަލެއަށް ވެދާނޭކަމަށްތަ ތި ހީކުރަނީ؟”
“އެ މުސްކުޅި މީހާގަނޑާ އިނީމަ މަށަށް ވަކި މޮޅު ގޮތެއް ވާނެތަ؟” ސަލީމާގެ އަޑު ތުރުތުރުއަޅައެވެ.
“އާނ! އެހެންޏަ! ޒުވާން ފިރިހެން ކުދިންތައް މީނާއާ އިންނަން ވެގެން އައިސް މި ގޭދޮށު މުގޯލިއަޅައަޅާ ވިއްޔަ އެ ތިބެނީ!” ޖަމީލާގެ އަޑުގައި މަލާމާތުގެ ރާގު އެކުލެވުނެވެ.
ޖަމީލާ ކުރި މަލާމާތުގެ ސަބަބުން، ސަލީމާގެ ހިތަށް ވަރަށް ބޮޑަށް ތަދުވިއެވެ. ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އޭނާ އައިސް ޖަމީލާގެ ކުރިމައްޗަށް ޖެހިގަތްގޮތާއި މޫނުމައްޗަށް އެރި ކުލަވަރުން އެކަން އެނގުނެވެ.
“ވަރިހަމަ! ދުވަހަކު މީހަކާ ނީނދެ އިންނަން ޖެހުނަސް! މަށެއް އޭނާއަކާ ނީންނާނަން!”
“އަދި އެއް ފަހަރު ތިހެން ބުނެބަލަ!” ޖަމީލާގެ ރުޅިވެރިކަމުގައި އެހެން ރަހައެއް ހިފައިފިއެވެ. އޭނާގެ ދެ އަތް އޭރު ދިޔައީ ސަލީމާގެ ކަރާ ދިމާއަށެވެ. އިސާހިތަކު އެ ދެ އަތުން، ސަލީމާގެ ކަރުގައި ހިފައިފިއެވެ.
“ހެޔޮ މަރާލިޔަސް! މަށެއް އޭނާއަކާ ނީންނާނަން! ނީންނާނަން! ނީންނާނަން!”
ޖަމީލާގެ ހަރަކާތްތަކަށް ވަގުތުން ހުއްޓުން އެރިއެވެ. ސަލީމާގެ ކަރުން ދެ އަތް ވީއްލި ތިރިއަށް ވެއްޓިއްޖެއެވެ. އޭރު އޭނާގެ ބޮޑުވެފައި ހުރި ދެ ލޯ ހުއްޓިފައި ހުރީ، ސަލީމާގެ ރުޅިވެރިކަމުން ފޯވެފައިވާ މޫނަށެވެ. ބޮޑުވެ ރަތްވެފައި ހުރި ދެ ލޮލަށެވެ. އެ ދެލޮލުން ކަރުނަ ހިލެމުން ދެއެވެ. އެ ކަރުނައިން ޖަމީލާއަށް ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އަލިފާނެވެ.
ޖަމީލާގެ ތުރުތުރުއަޅަމުން ދިޔަ ދެ އަތަށް ލުއިލުއި ހަރަކާތެއް އަތުވެއްޖެއެވެ. އެ ދެ އަތުން ކުއްލިއަކަށް ހިފީ، ސަލީމާގެ ދެ އަތުގައެވެ. އެ ދެ އަތް ނަގައި އޭނާގެ ކަރުގައި، ހިފުވިއެވެ.
“އަހަރެން މަރާލާ! ހެޔޮނުވާނެ! އަހަރެން މަރާލާ! ބަފައަކާ ނުލައި މިހައި ދުވަހު ގެންގުޅެ ބޮޑުކުރީމަ ދޭން އެންމެ ރަނގަޅު އިނާމަކީ އެއީ. މި ދެއަތުން މަގޭ ކަރަށް ފިތާ މަރާލާ!” މޮޔައެއް ފަދައިން ޖަމީލާ ހަޅޭއްލަވަލަވާ ހުއްޓާ އޭނާގެ ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. އެއާ އެކު ހަމަ ރަނގަޅަށް ރޮވިއްޖެއެވެ.
ޖަމީލާގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ ދުވަސްވެ ކުދި ކުލަށް ޖާގަ ދީފައިވާ މޫނުމަތީން، ހިތާމައާއި ހިތްދަތިކަން ފިޔަވައި ދެން ފެންނަނީ ސަލީމާއާ މެދު އުފެދިފައިވާ ރުޅިވެރިކަމެވެ.
“އަހަރެން ދެން ކަލެއަކަށް އާދޭހެއް ނުކުރާނަން!” ޖަމީލާ ރޮމުން ނޭފަތް ދަމަމުން ވާހަކަދެއްކިއެވެ. “ދުވަހަކު ވެސް ކަމަކު ނުކިޔާނަން! ތީ މަގޭ ދަރިއެއް ކަމަކަށް ވެސް ބަލާކަށް ބޭނުމެއް ނޫން!”
ޖަމީލާ ދެ ލޯ ފުހެމުން، އެނބުރި ދޮރާ ދިމާއަށް ހިނގައިގަތެވެ. ދޮރާ ހަމައަށް ގޮސްފައި އޭނާ އަނެއްކާ ވެސް ހުއްޓުނެވެ. އިރުކޮޅަކު ހުރެފައި އެނބުރި ސަލީމާއާ ދިމާއަށް ބަލައިލިއެވެ. އޭރު ވެސް އެ ހުރި ފިޔަވަޅުމަތީގައި އިސްދަށަށް ޖެހިގޮތަށް ސަލީމާ ހުއްޓެވެ. އޭނާ ވެސް އެ ހުރީ ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހިފައިހެން ހީވެއެވެ.
“ސަލީމާ! ކަލޭ ހަނދާންކުރާތި!” ޖަމީލާގެ އަޑުގައި މި ފަހަރު ހުރީ ރުޅިވެރިކަމެވެ. “މަހުސަރު ދުވަހުން ވެސް އަހަރެން ކަލެއަށް މާފެއް ނުކުރާނަން! އަހަރެން މި ދަނީ. ދުވަހަކު ވެސް އަހަރެން ދެން ކަލެއަކަށް ނުފެންނާނެ! ހޯދަން ވެސް އުޅެގެން ނުވާނެ!” ކޮޓަރިން ނިކުމެ، ބަންލާފައި ދޮރު ޖެހުމަށްފަހު، ޖަމީލާ ހިނގައްޖެއެވެ.
ކޮޓަރިން ނިކުމެގެން ދަމުން ޖަމީލާ ބުނި ޖުމުލަތައް ސަލީމާގެ ކަންފަތުގައި ގުގުމަންފެށިއެވެ. އެ ޖުމުލަތަކާ މެދު ވަކިވަކިން ވިސްނައިލުމުން، އޭނާގެ ހިތަށް ޒާތެއްގެ ބިރުވެރިކަމެއް ވެރިވާންފެށިއެވެ. އޭނާއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެހެން ހުއްޓާ ކުއްލިއަކަށް އިވުނީ، މަންމަގެ ކޮޓަރީ ދޮރު ހަމަ އެހައި ބާރަށް ލެއްޕި އަޑެވެ. މަންމަ ކޮޓަރިއަށް ވަނީކަން ކަށަވަރެވެ.
ހިތަށް ވެރިވެގަތް ބިރުވެރި ވަސްވާސްތަކެއްގެ ސަބަބުން، ސަލީމާއަށް އެ ފިޔަވަޅުމަތީގައި ހުންނާކަށް ފަސޭހައެއް ނުވިއެވެ. އަވަސްއަވަހަށް ހިނގައިނެވިއްޖެއެވެ. ކޮޓަރިން ނިކުތުމަށެވެ.
“ދޮންމަންމައާއި ސަލީމާ ގޭތެރޭގައި ޒުވާބުކޮށް ވަރަށް ކަންތައް އެބަ ހުރި.” މާއިޝާ އިނީ ފޯނެއްގައެވެ. “ނޭނގެ ކީއްވެގެންކަމެއް! މިހާރު ވެސް އެބަ އިވޭ ވަރަށް ބާރަށް ދޮރުގައި ތަޅާއަޑު.”
“ލައްބަ!” އެ ކޮޅުން ވާހަކަ ދެއްކި މީހަކު އެ ބުނި އެއްޗެއް ބުނުމުން މާއިޝާ ފޯނު ބޭއްވިއެވެ. އޭރު ވެސް ގޭތެރޭގައި ގުގުމާފައި ހުރީ ދޮރުފަތުގައި ތަޅާއަޑެވެ. މަންމާއޭ ކިޔައި ސަލީމާ ގޮވާއަޑެވެ.
“މަންމާ! ދޮރު ހުޅުވަބަލަ! ހެޔޮނުވާނެ!”
ސަލީމާ ތަޅުގައި ހިފައި އަނބުރަމުން، ދޮރުގައި ތަޅަމުން، ޖަމީލާއަށް ގޮވަމުން ގެންދިޔައެވެ. އެހެންނަމަވެސް ޖަމީލާގެ އެއްވެސް ޚަބަރެއް ނެތެވެ. މި ގޮތުގައި ވަގުތުތައް ފާއިތުވަމުން ދިޔަ ވަރަކަށް، ސަލީމާގެ ހިތަށް ވަންނަމުން ދިޔަ ބިރުވެރިކަން އައީ އިތުރުވަމުންނެވެ. އެންމެފަހުން އޭނާއަށް ރޮވޭންފަށައިފިއެވެ.
އިރުކޮޅަކުން ފެނުނީ ޣަފޫރު ގޭތެރެއަށް ވަދެގެން އަންނަ މަންޒަރެވެ. ޣަފޫރު ފެނިފައި، ސަލީމާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ބައްޕަ އައިކަން އެނގުމުން މާއިޝާ ވެސް ކޮޓަރިން ނިކުތެވެ.
ޣަފޫރު އައިސް ކޮޓރިއާ އަރައި ހަމަވުމުން، ސަލީމާ ދުރަށް ޖެހިލިއެވެ. ޣަފޫރު ބަލައެއް ނުލައެވެ. މާއިޝާއަށް ހުރެވުނީ ތަންކޮޅެއް ދުރުގައެވެ. ޣަފޫރު ޖީބުން ތަޅުދަނޑި ނެގިއެވެ. އޭރު ސަލީމާގެ މޭ، ނެގިނެގިފައި ޖެހެމުން ދެއެވެ. ކޮޓަރިތެރެއިން ފެންނާނީ ކޮން ކަހަލަ މަންޒަރެއް ބާވައެވެ؟ މަންމަ ހުންނާނީ….”
ޣަފޫރު ކޮޓަރި ހުޅުވާން އުޅުމުން މާއިޝާ ވެސް ކުރިއަށް ޖެހިލިއެވެ. އޭނާއަކީ މި ކަހަލަ ކަންކަމުގެ ތެރެއަށް ވަދެ، ކަންކަން ބަލާ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް މިއަދު އެ މަންޒަރު ބަލައިލައި ހިތްވީއެވެ. އެހެންކަމުން އޭނާ މަޑުމޑުން އައިސް މަޑުކޮށްލީ ދޮރު ހުޅުވާލުމުން ކޮޓަރި ފެންނަ ހިސާބުގައެވެ.
ކޮޓަރީ ދޮރު ހުޅުވުމާ އެކު ބަލަން ތިބި އެންމެންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޣަފޫރުގެ ދެ ލޯ ބޮޑުވިއެވެ. މާއިޝާއަށް ޝަހާދަތް އިނގިލީގައި ދައިގަނެވުނެވެ. ޖަމީލާ ހުރީ އެނދުމަތީގައި ކޮޅަށެވެ. އަތުގައި އޮތް ބެޑްޝީޓުގެ އެއް ކޮޅު އޮތީ ފަންކާގައި އައްސާފައެވެ. އަނެއް ކޮޅުގައި ޖަހާފައި ހުރި މަޅިއަށް އޭނާ ހުރީ ބޯ ލައްވައިގެންނެވެ. ކޮޓަރީ ދޮރު ހުޅުވުމާ އެކު ޖަމީލާގެ މޫނުމަތިން ވެސް ފެނުނީ ހާސްކަމެވެ. ސިހުމެވެ. އޭނާގެ ކަޅި ހުއްޓުނުތަން ފެނުނީ ޣަފޫރުގެ ބޮޑުވެފައި ހުރި ދެ ލޮލަށެވެ.
މަންމަ ހުރި ގޮތް ފެނިފައި، ސަލީމާއަށް ލިބުނު ކުއްލި ސުހުމާ އެކު އޭނާ ދުއްވައިގަތެވެ. މަންމައާ ދިމާއަށެވެ. “ނޫން! ނޫން! މަންމާ! ހެޔޮނުވާނެ! އަހަރެން އޭނައާ އިންނާނަން! އިންނާނަން!” ސަލީމާ ރޮމުން ގޮސް ޖަމީލާގެ ދެ ފައިގައި އޮޅުލައިގަތެވެ.
ސަލީމާ ބުނަމުން ދިޔަ ބަސްތައް އިވިފައި، ޣަފޫރާއި މާއިޝާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެ ވަގުތު ޖަމީލާގެ މޫނުމަތީން ފެންނާން ހުރި ނުތަނަވަސްކަން ކުރިއަށް ވުރެ ވެސް ބޮޑުވިއެވެ.
“ޖަމީލާއަށް ވާ ސާބަސް! ތި ފަދަ ހުތުރުކަން ބޮޑު ފާފައެއް ކުރަން، މި ގޭތެރޭގައި ކަލޭ ތިޔަ އުޅެނީ….” ބުނަން އުޅުނު ޖުމުލަ ޣަފޫރަށް ފުރިހަމައެއް ނުކުރެވުނެވެ. އައިސްފައި ހުރި ރުޅިއެއްގެ ބޮޑުކަމުން، ބުނާން އޮތް އެތި އެއަށްވުރެ ވަރުގަދައީއެވެ. އޭރު ޣަފޫރުގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. އޭނާއަށް ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހުރެފައި، ހިނގައިގަނެވުނީ އެނބުރި އައި ކޮޅަށެވެ. މާއިޝާ ގާތުގައި ކޮޓަރިއަށް ވަންނާށޭ ބުނެފައެވެ.
“ތީ ހާދަ ގޮތެއް ނެތް އަންހެނެކޭ.” މާއިޝާ ދެއްކި ވާހަކަ އަޑުއަހަން ހުރެފައި ޝާހިރަށް ބުނެވުނެވެ. “ދަން ޖެހެންތަ ހަމަ އުޅުނީ؟” ޝާހިރަށް ގަބޫލު ނުކުރެވިގެން އަހައިލާ ކަހަލަ ގޮތަކަށް އަހައިލެވުނެވެ.
“އާއެކޭ!” ފޯނު ހިފައިގެން މާއިޝާ އިނީ ކޮޓަރީ ސޯފާގައެވެ. އޭރުވެސް އޭނާގެ މޫނުމަތީން ފެންނާން ހުރީ ކަންބޮޑުވުމުގެ އަލާމާތްތަކެވެ.
“ދެން ފުލުހުންނަކަށް ނާންގަމުތަ؟”
“ނޭނގެ! ބޯހަލާކު!”
“ކޮން ކަމަކާތަ ދަންޖެހެން މި އުޅުނީ؟”
“ސަލީމާ ކޮންމެވެސް މީހަކާ ދެވަން އުޅެގެން އޭނާ އެކަމަށް އެއްބަސް ނުވީހެން ހީވަނީ. ސަލީމާ ރޮއިރޮއިފައި ދެއްކި ވާހަކައިން މަށަށް ދޭހަވީ އެއްޗަކީ އެއީ.”
“މަހުޖަނަކު ފެނުނީކަމަށް ތި ވާނީ. ގަންނަ ގަނޑެއް ބަލަން ތިބެމާ!”
“އާނ! ދޯ!”
ގަޑިން ރޭގަނޑު އެގާރަ ގަޑި ބައިވަނީއެވެ. ޖަމީލާ އޮތީ ކޮޓަރީގައެވެ. ހަ ފޫޓު ހަ ފޫޓުގެ ބޮޑު އެނދުގައި އުޑުތިލަމަތީންނެވެ. ދެ ފައި ދަމާލައިގެން، ދެ އަތް ބޯ ދަށަށް ލައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، ފަންގިފިލާގައި ހުރި ރީތި ކުރެހުންތަކާއި ފަރުމާއަށެވެ. އެހެންނަމަވެސް ސިކުނޑީގައި އެއިން އެއްޗެއްގެ ތަސްވީރެއް ނެތެވެ.
ޖަމީލާގެ ދެ ލޯ އިރުއިރުކޮޅުން ހުއްޓެނީ ކޮޓަރީ ފާރުގައި ހުރި ގަޑިއަށެވެ. އުދުހިފައިދާ ދޫންޏެއްގެ ސިފައަށް ފަރުމާކޮށްފައިވާ ގަޑީގެ ޚިދުމަތްތެރި ދެ ކައްޓަށެވެ. އިންތިޒާރު ގުޅިފައިވަނީ އޭނާގެ ފިރިމީހާއަށެވެ.
ގަޑިން ބާރަ ޖަހަން އުޅެނިކޮށް ޣަފޫރު އަތުވެއްޖެއެވެ. ޣަފޫރު އައިސް ވަނުމާ އެކު، ޖަމީލާ ފުންމައިގެން ތެދުވިއެވެ. ގިރިޓީ ކުލައިން ފެވިފައި މޫނުމަތީން ފާޅުވަނީ ދެއްކުންތެރި ހިނިތުންވުމެކެވެ.
ޖަމީލާ ފެނުމަކުން ޣަފޫރު އަޅައެއް ނުލައެވެ. ފެންނަކަމަށް ވެސް ނުހަދައެވެ. އޭނާ ވަންގޮތަށް ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. ގަމީސް ބޭލުމަށް ޓަކައި ގޮށް ނައްޓަން ފެށިތަނާ، ޖަމީލާ އައިސް އޭނާގެ ފުރަހަގުން ހުއްޓުނެވެ.
“ހިނގާ ކާންދާން! ވަރަށް މީރު ރިހައެއް ކައްކާފަ ހުންނާނެ!”
ޖަމީލާގެ އެ ޖުމުލަ އިވޭކަމަށް ވެސް ޣަފޫރު ނުހަދައެވެ. އެހެންކަމުން ޖަމީލާ ގޮސް ޣަފޫރުގެ ކުރިމައްޗަށް ހުއްޓުނެވެ. ޣަފޫރު ގަމީހުގެ ގޮށްތައް ނައްޓަ ނައްޓާ ހުއްޓާ، އެ ކަމާ އުޅެގެންފިއެވެ. އެންމެ ފަހު ގޮށް ނެއްޓީ އޭނާއެވެ.
“ވަރަށް އުނދަގޭވޭ އެބަ!” ޖަމީލާގެ ދެ އަތް ދުރަށް ޖައްސައިލަމުން، ނުރުހުމާ އެކު ޣަފޫރު މޫނު އަނބުރައިލިއެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ވަނީ ފާޚާނާއަށެވެ. ޖަމީލާގެ ހަރަކާތްތަކަށް ހުއްޓުންއެރިއެވެ.
ޖަމީލާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި ޖައްސާލިއެވެ. ފުން ފުކުރެއްގައި އިން ކަހަލަ ގޮތަކަށެވެ. މޮޅު ރޭވުމެއް ރާވަނީ ކަންނޭނގެއެވެ. އިރުކޮޅަކު އެހެން އިނދެފައި، މަޑުމަޑުން ބޯ ޖަހައިލިއެވެ. ދެން ބަލައިލީ ފާޚާނާގެ ދޮރާ ދިމާއަށެވެ. އޭރު ޣަފޫރު ފެންވަރާ އަޑު އިވެއެވެ.
ފެންވަރައި ނިމިގެން ޣަފޫރު ނިކުން އިރު ވެސް ޖަމީލާ އެ އިން ގޮތަށް އެނދުމަތީގައި އިނެވެ. ޣަފޫރު ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ.
“މި ރޭގެ ކަންތަކާ ރުޅި އައިސްފައި ދޯ ތި ހުންނަނީ؟” ޖަމީލާ ގޮސް މަޑުމަޑުން އަހައިލިއެވެ. “އެއީ ސަލީމާ ގޮތް ދޫނުކުރުމުން އޭނާ ދެރަކޮށްލަންވެގެން އަހަރެން ކުރި ކަމެކޭ. ދެން އެ ކަމާ ރުޅި ނައިސްބަލަ! އެ ކަހަލަ ގޯސްކަމެއް އަހަރެން ނުކުރާނޭކަން ޣަފޫރަށް ވެސް އެނގެއެއްނު! ދެން ހިނގާ ރީތިވެލައިގެން ކާން ދާން! މަ ވެސް އަދި ނުކައި މިހިރީ.” ޣަފޫރުގެ ބުރަކަށީގައި ޖަމީލާ ފިރުމައިލިއެވެ.
“ތި މުޑުދާރު އަތުން މަގޭ ގައިގައި އަތްނުލާ!” ޣަފޫރުގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
“ތިހެން ނުބުނޭ! ހެޔޮނުވާނެ! އެއީ އެ ކަހަލަ ކަމެއް ކުރަންވެގެން އަހަރެން އުޅުނު ގޮތެއް ނޫނޭ ބުނެފީމެއްނު!” ޖަމީލާގެ ހިތަށް ކުރި އަސަރު އޭނާގެ އަޑުން ފާޅުވިއެވެ.
“ކާކާ ދަރި ނުދެވިގެންތަ ދަންޖެހި މަރުވާން ތި އުޅުނީ؟”
“މަރުވާކަށް ނޫނޭ އުޅުނީ! އެއީ އަހަރެމެން ރަށު މީހެއް! ވަރަށް ރަނގަޅު ހިތްހެޔޮ މުރާލި މީހެއް! މީހެއް ނޫން! ކުއްޖެއް! އޭނާގެ އަމުރުން އަދި ވާނީ ވިއްސަކަށް އަހަރު. އެ ސޮރު ސަލީމާގެ ކައިވެންޏަށް އެދުނީމަ، ސަލީމާ އެ ކަމާ ދެކޮޅު ހެދީ. ކިޔައި ކިޔައި އާދޭސްކުރީމާ ވެސް ގަބޫލެއް ނުކުރި. އެހެންވެ މަ ބޭނުންވީ ކޮންމެ ގޮތެއް ހަދައިގެން ވެސް އޭނާ އެ ކަމަށް އެއްބަސްކުރުވަން. އެއީ ރަށުގައި އުޅެވޭ ވަރުގެ ކުއްޖެއް! އޭނާއާ އިނދެގެން ރަށަށް ގޮސް ރަށުގައި އުޅުނީމަ އެ ވީނު. އޭރުން މަށާ މާއިޝާއާ ދެ މައިންނަށް ހަމަޖެހިލައިގެން މި ގޭގައި އުޅެވިދާނެއެއްނު! މަ އެހެން ހަދައިލިހައިރުން އެއްބަސްވެއްޖެ.”
ޖަމީލާ ހަދާލި މޮޅު ވާހަކައަށް ޣަފޫރު ބަހެއް ނުބުންޏެވެ. ނިދާ އެއްޗެހި ލައިގެން އެނދަށް އަރައި ބިތްދޮށަށް އެނބުރި ދެ ލޯ މަރައިލީއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރު ހަތަރެއް ޖެހިތަނާ، ސަލީމާ ގޮވައިގެން މޫސަބޭމެންގެއަށް ދިޔުމަށް ޓަކައި، ޖަމީލާ ނައްޓާލައިފިއެވެ. އެ ދެ މައިންގެ ދެ މެދުގައި ގާތްކަމެއް ނެތެވެ. އެކަކު އަނެކަކަށް ވާހަކަދެއްކުމެއް ވެސް ނެތެވެ. ގެއިން ނުކުތުމުގެ ކުރިން ޖަމީލާ ވަނީ ސަލީމާއަށް އިންޒާރު ދީފައެވެ. މޫސަބޭގެ ކުރިމަތީގައި ދެކޮޅުވެރިކަމުގެ އެއްވެސް ކުލައެއް ނުދެއްކުމަށެވެ.
މޫސަބޭމެންގޭ ދޮރުމައްޗަށް އެ ދެ މައިން ހުއްޓުނުއިރު، އެ ދެ މީހުންގެ ހިތް ވެސް ދިޔައީ ތެޅެމުންނެވެ. ސަލީމާގެ ހިތުގެ ތެޅުމުގެ ސިއްރަކީ މޫސަބެއެވެ. އޭނާއާ އަޅައި ބަލާއިރު ބޮޑު މުސްކުޅިއަކާ ކައިވެނިކުރާން މަޖުބޫރުވެފައި ވުމެވެ. ޖަމީލާގެ ހިތުގެ ތެޅުމުގެ ސިއްރަކީ ސަލީމާއެވެ. އިންތިހާއަށް ގޮތް ދޫނުކުރާ، ގޮތް ނޭނގޭ ދަރިއަކު ގޮވައިގެން މި ފަދަ ކަމަކާ ކުރިމަތިލާން ޖެހިފައި ވުމެވެ.
ދެ މައިން ގޮސް މޫސަބޭމެންގޭ ދޮރޯށި ދޮށަށް ހުއްޓިއްޖެއެވެ. ދެ މައިން ދެ މައިންގެ މޫނަށް ބަލައިލިއެވެ. ސަލީމާގެ މޫނުމަތީން ފެންނާން ހުރީ އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެވެ. މާޔޫސްކަމެވެ. އެހެންނަމަވެސް ޖަމީލާގެ ދުނިޔަވީ އެދުމުން ފޯވެފައިވާ ސިކުނޑިއަކަށް މި ކަމެއް ނަގައެއް ނުގަނެވުނެވެ.
“މި ވަދެވެނީ އިނގޭ! މިއަދު އަހަރެން ދެއްކި ވާހަކަތައް އަކުރުން އަކުރަށް ހަނދާންބައްހައްޓާތި! ކޮންމެ ލަފުޒެއް ތި ހިތުގައި ބިންވަޅުކަނޑައި ނެގިފައި އޮންނަންވާނީ. ކަތި ފިޔަވަޅެއް ނާޅާތި! ގޯހެއް ނުހަދާތި!” އެއީ ޖަމީލާގެ ހަނދާންކޮށްދިނުމެކެވެ. ސަލީމާއާ ހަމައަށް އައި އިންޒާރެކެވެ.
ދޮރޯށި ހުޅުވީ ޖަމީލާއެވެ. އޭނާގެ ފަހަތުން ސަލީމާ ވަނެވެ. ސަލީމާގެ ދެ ފައި ތުރުތުރުއަޅަމުން ދިޔަ މިންވަރު އޭނާއަށް ވަޒަންކުރެވުނީ، ކުރިއަށް ދެތިން ފިޔަވަޅެއް އެޅިފަހުންނެވެ. އެ ވަގުތު އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ، ހުރަގެއަކަށް ވަދެގެން ދެވޭ ފަދަ ހިތްދަތިިހުސާސެކެވެ. އެނބުރި އައި ކޮޅަށް ދުއްވައިގަންނާށޭ ކިޔައި ހަރު އަޑުން ހިތް ގޮވާންފެށިއެވެ. އެހެނަސް ހިތްވަރެއް ނުލިބުނެވެ.
މޫސަބޭ އިނީ ކޮޓަރީގައެވެ. ކަޅު ދުނިގަނޑުލީ، ލޯ ބޮޑު ނަންބަރު އައިނެއް އަޅައިގެން ފޯނަށް ބަލާށެވެ. ފޯނުން ކޮންމެވެސް އެއްޗެއް ކިޔާށެވެ. ކޮޓަރީ ދޮރުމައްޗަށް ހުއްޓި ޖަމީލާ ސަލާން ގޮވައިލިއެވެ. ހިނިތުންވެލަމުންނެވެ. ޖަމީލާގެ އަޑަށް މޫސަބޭ ބަލައިލިއެވެ. އައިނުގެ މަތިންނެވެ.
“ވަދޭ! ވަދޭ!” މޭޒުމަތީގައި ފޯނު ބާއްވަމުން މޫސަބޭ ވެސް ހިނިތުންވެލިއެވެ.
ޖަމީލާ ބަލައިލީ ތަންކޮޅެއް ދުރުގައި ހުއްޓި ހުރި ސަލީމާއާ ދިމާއަށެވެ. އޭރު ސަލީމާ ހުރީ ދެ އަތް ދެ އަތާ ފިތަފިތައެވެ. މޫނުމަތީން ފެންނާން ހުރީ ނުރުހުމާއި ކަންބޮޑުވުމެވެ. އިތުރަށް ފެންނާން ހުރީ އުފުލެމުން އަންނަ ދާ ތިކިތަކެވެ.
މި ފަދަ ހާލަތެއްގައި ސަލީމާ ހުއްޓާ، ބޮލުގެ އިޝާރާތުން ސަލީމާއަށް ޖަމީލާ އެންގީ އެތެރެއަށް ވަނުމަށެވެ.
“އެ މަންޖެ ވެސް ގޮވައިގެން މި އައީ.” ކޮޓަރިއަށް ވަންނަމުން ޖަމީލާ ހިނިތުންވެލިއެވެ.
އޭރު ސަލީމާ އައިސް ކޮޓަރީ ދޮރުމައްޗަށް އަރައިފިއެވެ. ސަލީމާ ފެނުމުން މޫސަބޭ ހިނިތުންވެލިއެވެ. އަދި އަވަހަށް ވަންނާށޭ ކިޔައި ގޮނޑިއެއް ކައިރިކޮށްލިއެވެ. އެހެންނަމަވެސް ސަލީމާއަށް އެ ހުރި ފިޔަވަޅު މަތީގައި ހުރެވުނީއެވެ.
“ވަދޭ ދަރިފުޅާ! ބީއްރައްޓެހިވެފައި ހުރެގެން ކަމަކު ނުދާނެ! މިއީ ދެން މިހާރު ދަރިފުޅުގެ ވެސް ގެ ކަމަށް ދެކެންވާނީ. ދޯ މޫސަބޭ!” އެ ގޭގައި މޫސަބޭ ނޫން މީހަކު މިހާރު ނޫޅެއެވެ. އެންމެން ވީ ރާއްޖޭން ބޭރުގައެވެ.
ޖަމީލާގެ ވާހަކަ އިވިފައި ސަލީމާގެ ދެ ދަތްޕިލަ ބާރުވިއެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކޮށްފައި ކެތްތެރިވެލިއެވެ. މަޑުމަޑުން ކޮޓަރިއަށް ވަދެ، މޫސަބޭ ދެއްކި ގޮނޑީގައި ދަތިގޮތަކަށް އިށީންނިއެވެ.
“އެ މަންޖެ އޭނދީ މޫސަބޭ ގާތަށް އައިސް! ދެން ތި ކިޔާ އެއްޗެއް ކިޔާ!” މޫސަބެއާ ދިމާއަށް ބަލައިލަމުން ޖަމީލާ ނިތް އެއްލީ ސަލީމާއަށެވެ.
“ސަލީމާ!” އިރުކޮޅަކު ހަނު އިނދެފައި ސަލީމާގެ މޫނަށް ބަލައިލަމުން މޫސަބޭ ގޮވައިލިއެވެ. އެ ވަގުތު ސަލީމާ ސިހުނެވެ. އެހެންނަމަވެސް އިސް އުފުލައެއް ނުލައެވެ. “ކީއްވެ އިސް ދަށަށް ޖަހައިގެން ތިޔަ އިންނަނީ؟ މަށާ އިންނަން އަންނަ ކުއްޖަކަށް މަށާދިމާއަށް ބަލަން ކެރެންޖެހޭނެ ދޯ!”
“ތެދެއް ދަރިފުޅާ! މޫސަބެއާ ދިމާއަށް ބަލައިލަބަލަ!” ޖަމީލާ ބަލައިލީ ސަލީމާއާ ދިމާއަށެވެ. “އެ މަންޖެ ލަދުން އެ އިންނަނީ.” މޫސަބެއަށް ނިތް އެއްލަމުން ޖަމީލާ ހިނިތުވެލިއެވެ.
“އެހައި ލަދުން އުޅެގެން ކިހިނެއް މި ކަހަލަ ކަމެއް ކުރާނީ؟ އަނެއްކާ މަށާ އިނދެފައި ވެސް ތިހެން ލަދުންތަ އިންނާނީ؟” މޫސަބޭ އިނީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ.
ސަލީމާއަށް އެ އަޑު އިވުނުހެން ވެސް ހީނުވެއެވެ. ހަމަ އެ އިން ގޮތަށް އިސްދަށަށް ޖަހައިގެން އިނީއެވެ. މި ގޮތް ޖަމީލާއަކަށް ކަމަކު ނުދިޔައެވެ.
“ސަލީމާ!” ޖަމީލާގެ އަޑު މިފަހަރު ތަންކޮޅެއް ބާރުވެއްޖެއެވެ. “މޫސަބޭ އެ ބުނާ އެއްޗެއް އަޑު އިވިއްޖެތަ؟” ޖަމީލާގެ އަޑުގައި ހުރި ހަރުކަށިކަން މޫސަބެއަށް ފާހަގަކުރެވުނެވެ. ޖަމީލާއާ ދިމާއަށް މޫސަބެއަށް ބަލައިލެވުނެވެ. އެ ވަގުތު ޖަމީލާ އަވަސްއަވަހަށް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލައި ހިނިތުންވެލިއެވެ.
“ސަލީމާއަކީ ކުރިން ވެސް އަހަރެން ދަންނަ ކުއްޖެއް! ތިހައި ލަދުރަކި ކުއްޖެއް ނޫން އޭނާއަކީ. އެހެންނޫނަސް ތިހައި ލަދުރަކި ކުއްޖަކާ ކިހިނެއް އަހަރެން ކައިވެނިކުރާނީ؟ ކައިވެންޏަށް ފަހު ވެސް މަށާ ދިމާއަށް ބަލައިނުލައި އަނގައިން ނުބުނެ އިންނަން ފަށައިފިއްޔާ…”
“ދެން އެހެނެއް ނުވާނެ ދޯ!” މި ފަހަރު ޖަމީލާއަށް ހިނިތުންވެލެވުނީ ގަދަކަމުންނެވެ.
“ސަލީމާ!” މޫސަބޭ އަނެއްކާ ވެސް ގޮވައިލިއެވެ. “ވާހަކަ ދައްކަބަލަ! މަށާ އަނގައިން ނުބުނާ ކުއްޖަކާ މަށަކަށް ނީނދެވޭނެ!” މި ފަހަރު މޫސަބޭ ބަލައިލީ ޖަމީލާގެ މޫނަށެވެ.
“ކީއްވެ ނީނދެވެންވީ؟ އިނީމަ އިނދެވޭނެއެއްނު! އޭނަ އޭނދީ ކައިވެންޏާ ރުހި ގަބޫލުވެގެންނޭ!” މޫސަބޭގެ ޚިޔާލު ދެކަފިވެދާނެތީ، ޖަމީލާގެ ހިތަށް ބިރުވެރިކަން ވަންނާންފެށިއެވެ. އަނެއްކޮޅުން ސަލީމާގެ އަމަލުތައް ހުރި ގޮތުން، ލޭކެކެން ވެސް ފަށައިފިއެވެ.
“ރުހި ގަބޫލުވެގެންނޭ؟”
“އާނ!”
“އަނެއްކާ ޖަމީލާ އަމިއްލައަށް ދަންޖެހި މަރުވާ ހިސާބަށް ކަންތައް ގެންގޮސްގެން، ގަދަކަމުން އެ މަންޖެ އެއްބަސް ކުރުވީތަ؟”
ހިނި އައިސްފައި އިނދެ މޫސަބޭ ބުނި އެ ޖުމުލައާ އެކު، ޖަމީލާގެ ބަސް ހުއްޓުނެވެ. ދެ ލޯ ބޮޑުވިއެވެ. އަނެއްކާ އެ ހުރިހައި ކަމެއް މޫސަބެއަށް އެނގިފައި އޮތީ ބާވައެވެ؟ ޖަމީލާގެ މޭ ތެޅޭން ފެށިއެވެ.
“ކީއްވެ އެއްޗެއް ނުބުނީ؟” ޖަމީލާ ފާޑަކަށް އިންތަން ފެނިފައި މޫސަބޭ އަހައިލިއެވެ.
“ތީ ކާކު ދެއްކި ވާހަކައެއް؟”
“އެއީ އެހެން ބުނި އެއްޗެއް ނޫން!” މޫސަބޭ ވާހަކަ ކުރުކޮށްލިއެވެ. “ތެދެއް ސަލީމާ! މި ކައިވެންޏާ ރުހެންތަ؟”
މޫސަބޭ އެ ސުވާލާކުރުމާ އެކު ހިތް ނަގައި އަތަށް ލީ ގޮތަށް ޖަމީލާއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ސަލީމާ ދޭނެ ޖަވާބެއް ނޭނގިފައެވެ. ސަލީމާ އޭނާގެ ޒާތަށް ތަބާވެ، ބުނެލައި އެންމެ ބަހަކުން ހުރިހައި ކަމެއް ފަނުފުލުން ދާނެއެވެ. މުޅި ދިރިއުޅުމުގައި ހުޅުރޯވާނެއެވެ.
“އަވަހަށް އާނއެކޭ ބުނޭ ދަރިފުޅާ!” ޖަމީލާގެ ކެތްތެރިކަމުގެ ވާފަށް އަތުން ދުވުމާ އެކު، ބޭއިޚުތިޔާރުގައި ބުނެވުނެވެ.
ސަލީމާ ބަހެއް ނުބުނެ އިސްދަށަށް ޖެހިގޮތަށް އަދިވެސް އިނީއެވެ. ޖަމީލާގެ ސިކުނޑިއަށް ބަރުވަމުން އާދެއެވެ. މިހާރު ކަންތައް ހިނގަމުން މި ދަނީ، އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އިއްޔެ އޭނާ ކުޅުނު ޑުރާމާ ކާމިޔާބުވުމުން، އޭނާއަށް އުއްމީދުކުރެވުނީ މިއަދު ވަރަށް ފަސޭހައިން ސަލީމާ އާނބަސް ބުނާނޭ ކަމަށެވެ.
“ސަލީމާގެ ދުލުން އާނއެކޭ ނުބުނަނީސް މަށެއް އެކަމެއް ނުކުރާނަން!” މޫސަބޭ ފުން ނޭވާއެއް ދޫކޮށްލަމުން މޭޒުމަތީގައި ބޭއްވި ފޯނު ނެގިއެވެ.
“ދަފރިފުޅު މޫސަބެއާ އިންނަން ގަބޫލު ދޯ!” ޖަމީލާ މަސައްކަތްކުރީ ގަދަކަމުން ނަމަވެސް ސަލީމާ ލައްވާ އާނއެކޭ ބުނުވާށެވެ.
ޖަމީލާގެ އެ ސުވާލާ އެކު، މޫސަބެއަށް ސަލީމާއާ ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު ސަލީމާ އެ އިންގޮތަށް އިނދެފައި މަޑުމަޑުން ބޯޖަހައިލަތަން މޫސަބެއަށް ވެސް ފެނުނެވެ. ޖަމީލާގެ ހިތް އުފަލުން ނަށައިގަތެވެ. ލިބުނު އުފަލާ އެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.
“އެ ބުނީ އާނއެކޭ މޫސަބޭ! އާނއެކޭ ބުނެފި! އަވަހަށް މަސައްކަތް ފަށަން ހިނގާ!”
“ހަމަޖެހިބަލަ ޖަމީލާ. ތި ތާނގައި ރީތިކޮށް އިށީނދެބަލަ!”
ޖަމީލާއަށް އުޅެވުނު ގޮތް ހިތަށް އަރައިފައި ލަދުގަންނަ ގޮތްވިއެވެ. އޭނާ އަވަސް އަވަހަށް އިށީނދެ ހަމަޖެހިލިއެވެ. މިހާރު އޭނާގެ ހިތް އޮތީ މާމުއީގެ އާރެއްގެ ތެރޭގައެވެ.
“މި ތަނުން އަހަންނަށް ފެންނަމުން މި ދަނީ، އެ މަންޖެގެ ރުހުމަށްވުރެ ޖަމީލާގެ މަޖުބޫރުކުރުން!”
“މަޖުބޫރޭ؟ މަށެއް މަޖުބޫރެއް ނުކުރަން. ކޮން މަޖުބޫރެއް މަ ކުރަންވީ؟ އޭނަ ވެސް އޫޅެނީ މޫސަބޭ ވަރަށް ކަމުގޮސްގެން.” ޖަމީލާ ވަގުތުން ދިފާޢަށް ފެށިއެވެ.
މިހައި ހިސާބަށް ދިޔައިރު ސަލީމާގެ ދެ ލޮލުން ކަރުނަ އޮހޭން ފަށައިފިއެވެ. ސަލީމާ ވަރަށް ހިފަހައްޓައިގެން އިންދާ ވެސް ފައިބާންފެށީއެވެ. ސަލީމާ އަވަސްއަވަހަށް ކަރުނަ ފޮހެލިއެވެ. މި ތަން މޫސަބެއަށް ފެނިއްޖެއެވެ. އެ ވަގުތު މުސަބޭގެ ތުންފަތްމަތީގައި ދުވެލީ ލާނެތް ހިނިތުންވުނެކެވެ.
“ދެން ކޮން ކަރުނައެއް އެ ފައިބަނީ؟ ކީއްވެ އެ މަންޖެއަށް އެ ރޮވެނީ؟”
މޫސަބޭގެ އެ ޖުމުލައާ އެކު ސަލީމާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. އެ މަންޒަރު ޖަމީލާއަށް ވެސް ފެނިއްޖެއެވެ. ހިނދުކޮޅަކަށް ޖަމީލާގެ ހޭވެރިކަން ގެއްލުނު ކަހަލައެވެ. އޭނާގެ ކަޅި ހުއްޓިފައި ހުރީ، އިސް އޮބާލައިގެން ރޮވިފައި އިން ސަލީމާއާ ދިމާއަށެވެ. އޭރު އޭނާގެ ސިކުނޑި ކެކެމުންދެއެވެ.
“ކޮން ކަމަކާ މިހާރު ތި ރޯންފެށީ؟” ޖަމީލާގެ އަޑުގައި ހުރީ ރުންކުރުކަމެވެ.
“އަހަންނަށް މަޖުބޫރު ނުކޮށްފާނަންތަ؟” ސަލީމާގެ އަޑު ތުރުތުރުއަޅައެވެ.
ސަލީމާގެ އެ ޖުމުލައާ އެކު ޖަމީލާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.
“މަޖުބޫރޭ؟ ކީކޭ ކަލޭ ތި ކިޔަނީ؟ ހުންނަ ނުލަފާކަން ދެކިބަލަ!” ޖަމީލާގެ އަޑު ބާރެވެ. ދެ ދަތްޕިލަ ޖެހި ތަތްވިއެވެ. ކުޅަނދުރެއްހެން ހުރެ އެއްލި އަތުން އޭނާއަށް ހިފުނީ ސަލީމާގެ އިސްތަށިގަނޑުގައެވެ. “ގޮތްކުޑަ ކުއްޖާގަނޑު!” ސަލީމާގެ އިސްތަށިގަނޑު އަތަށް އޮޅާލައިފައި ޖެހި ލަތްކަކާ އެކު ސަލީމާ އަރިއަޅައިލިއެވެ. ގޮނޑިން ނުވެއްޓުނީ ވެސް ކިރިޔާއެވެ.
މި މަންޒަރު ފެނިފައި މޫސަބެއަކަށް ނީނދެވުނެވެ.
“އޭތް! އޭތް! މިހާރު ކޮން ފާޑަކަށް ތި އުޅެންފެށީ؟” މޫސަބޭ ވަގުތުން އެ ދެ މައިންގެ ދެމެދަށް ވަދެ ދުރުކުރިއެވެ. “މި ގޭތެރޭގައި ތި ފާޑަށް އުޅޭނެކަމެއް ނެތް. އަވަހަށް މި ގެއިން ނިކުމޭ! ތަޅާފޮޅަށް ކޮންމެވެސް އެހެން ދިމާއަކަށް ދޭ!”
“ނޫން! ނޫން! މޫސަބޭ! ހެޔޮނުވާނެ! ތިހެން ނުހަދާ! އަހަންނަށް މި ކަންކޮށްދީ!” މޫސަބޭގެ ދެ ފައިތިލަ މައްޗަށް ޖަމީލާ ތިރިވިއެވެ. “ސަލީމާ އެހެން ހެދިޔަސް، އަހަރެން އެހެނެއް ނަހަދާނަން! އަހަރެން މި ހުރީ ހިތުން ރުހުމުން މޫސަބެއާ އިންނަން ވެސް ތައްޔާރަށް! މޫސަބޭ ބުނި ކޮންމެ ގޮތެއް ހަދައިގެން އަހަރެން މޫސަބެއާ އެކު އުޅެފާނަން!” ހަމަ ރަނގަޅަށް ވެސް ޖަމީލާ މޮޔަވެއްޖެއެވެ. އޭނާއަށް އެ އުޅެވޭގޮތް މިހާރު އޭނާއަށް ވެސް އެނގޭނޭހެނެއް ހިއެއް ނުވެއެވެ.
“ޖަމީލާ!” މޫސަބޭގެ އަޑު ބާރުވިއެވެ. “ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ބަލަ މަ މިއުޅެނީ މޮޔަވެގެނެއް ނޫނޭ! ބޭކާރު އަނގަ ނުތަޅާ ހަމަ މިހާރު މި ގޭން ނިކުމޭ! މަގޭ ފަރާތުން ދެން ކަލެއަށް ކޮށްދޭނެ އެއް ކަމެއް ވެސް ނޯންނާނެ!”
ޖަމީލާ ރޮއިރޮއިފައި މޫސަބޭގެ ގާތުގައި އާދޭސްކުރަމުން ގެންދިޔައެވެ. އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް މޫސަބޭ ބޭނުމެއް ނުވިއެވެ. މޫސަބޭގެ އިންޒާރަކަށްވީ ހަމަ މިހާރު މި ވަގުތު އެ ގެއިން ނިކުތުމެވެ. އެހެންނަމަވެސް އެ އަޑު ޖަމީލާއަށް އިވޭހެނެއް ހިޔެއް ނުވެއެވެ. ނިކުންނާކަށް ނޫޅެއެވެ.
“ޖަމީލާ މިގެއިން ނިކުންނާނީތަ؟ ނޫނީ ފުލުހުންނަށް ގުޅައިގެން ގަދަކަމުން ނެރެންވީތަ؟ މޫސަބޭ ފޯނު ނެގިއެވެ. “އޭރުން މާ ރީއްޗެއް ނުވާނެ! މަންޒަރު ހުތުރު ނުކޮށް އަވަހަށް ނިކުމެގެންދާން އުޅޭ!”
ޖަމީލާއަށް ގޮތް ހުސްވިއެވެ. އެ ގެއިން ނިކުތުން ނޫން ގޮތެއް ދެނެއް ނެތެވެ. ދެ ލޮލުން ކަރުނަ ފޮހެމުން އޭނާ ތެދުވިއެވެ. ކުރިއަށް އެޅި ފިޔަވަޅާ އެކު މޫސަބޭ ވެސް އެ ތަނުން ހިނގައްޖެއެވެ. އަމިއްލަ އެދުމުން ފޯވެފައި ހުރި މީހެއްގެ ރުއިމާއި ގިސްލުމުގެ އަޑު އަހާން ބޭނުން ނުވީ ކަންނޭނގެއެވެ.
ޖަމީލާ މަޑު ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގެންފިއެވެ. ޗާބީ ދީފައި ހުރި ބުދެއް ފަދައިންނެވެ. އޭނާގެ ފަހަތުން ސަލީމާ ވެސް ތެދުވެގެން ހިނގައިގެންފިއެވެ. އެ ކޮޓަރިން ނިކުތްގޮތަށް އޭނާ ހިނގައިގަތީ ދޮރޯއްޓާ ދިމާއަށެވެ. މިހައި ދުވަހު ދެކެމުން އައި ފޮނި ހުވަފެންތައް ބިލާހަކަށްވެ، ރޭވި ހުރިހައި ރޭވުމެއް ފަނުފުލުން ދިޔުމުން، ކުރެވެމުން ދިޔަ ހިތްދަތި އިހުސާސްތަކާ އެކުގައެވެ.
މި ހުރހައި ކަމެއްގެ ނުބަޔަކީ ވެސް ސަލީމާއެވެ. އޭނގެ ނުލަފާކަމެވެ. ގޮތްދޫނުކުރުމެވެ. އެ ހުރިހައި ވާހަކަ ދެއްކީމާ ވެސް ޖެއްސުންކުރީއެވެ. ނުލަފާ އަންހެނެކެވެ. މަރައި ވަޅުލިޔަސް ފާފައެއް ނުވާނެއެވެ. ޖަމީލާގެ ސިކުނޑީގައި އެނބުރެމުން ދަޔައީ ރުޅިވެރި އިހުސާސްތަކެކެވެ. ސަލީމާ ދެކެ އައި ރުޅިއެވެ.
ރުޅިއާއި ނަފުރަތުން ފުރިފައި ހުރެ، ދެ ލޯ ފުހެމުން ޖަމީލާ ބޭރަށް ނިކުތެވެ. އޭނާގެ ފަހަތުން ސަލީމާ ވެސް ނިކުތެވެ. ސަލީމާގެ މޫނަށް ޖަމީލާ ބަލައިލިއެވެ. އޭރު އެ ދެ ލޮލުގައި އަލިފާން ހިފާފައި ހުރި ކަހަލައެވެ. ސަލީމާގެ އެ މޫނު ފެނުމާ އެކު، މިއަދު ސަލީމާ ކަންތައްކުރި އިހާނެތި ގޮތްތައް، ތޫނު ކަށިތަކެއް ފަދައިން އައިސް، އޭނާގެ ސިކުނޑިއަށް ހަމަލާދޭން ފަށައިފިއެވެ. އެއާއެކު އޭނާގެ ރުޅި ހައްދުން ބޭރުވެއްޖެއެވެ. މީހާ ހޭ ބުއްދި ފިލައިފިއެވެ.
“ނުބައި ނުލަފާ އަންހެނާ! ހުރި ވައްތަރު ދެކިބަލަ!” ޖަމީލާ ދަތްކުނޑިވިކައިގަތެވެ. މަގުމަތީގައި ކޮޅުކޮޅަށް ހިނގާބިނގާވާ މީހުންނަށް ބެލުމެއްނެތެވެ. ދުއްވާ އެއްޗަކަށް ސަމާލުކަމެއް ނެތެވެ. “މަގޭ އަތުން މަރުވާނެ އެއްޗެއް މީ….” ޖަމީލާ ކުރިއަށް އެޅި ދެތިން ފިޔަވަޅަކާ އެކު، ސަލީމާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް އަޅައިފިއެވެ. ވިތަދާ އެކު ސަލީމާއަށް ހަޅޭއްލަވައިގަނެވުނެވެ. މޫނުމައްޗަށް އަނދިރިވިއެވެ.
ވީ ތަދެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. ސަލީމާ ގާތަށް ވެސް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މަންމައެއް ކަމަކު ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. އޭނާއަށް ލިބިފައި ވަނީ މަންމަ ދެކެ ލޯބިވާ ކަހަލަ ތަރުބިއްޔަތެއް ނޫނެވެ. ނަތީޖާއަކަށްވީ، ސަލީމާގެ އަތުގެ ހޫނު ހަމަލާއެއް ޖަމީލާގެ މޫނުމައްޗަށް ވެސް އެރުމެވެ. އިސާހިތަކު ދެ މައިން ކޯޅިގެންފިއެވެ. އަޑުފަށްގަނޑު ގަދަވެ، މީހުންތައް އެ ސަރަހައްދަށް ޖަމާވެއްޖެއެވެ. ދެ މީހަކު ކުރިއަށް ޖެހިލައި ދެ މައިން ދުރުކުރެވޭތޯ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެއަށްވުރެ އެ ދެ މީހުންގެ ކުޅަނދުރުކަން ބޮޑެވެ.
“ފުލުހުންނަށް ގުޅާ!” މީހަކު ގޮވައިލި އަޑު އިވުނެވެ.
ބަޔަކު މީހުން ނިކުމެ އެ ދެ މީހުން މައިތިރިކޮށްފިއެވެ. އޭރު އެ ދެ މީހުން ވެސް ތިބީ ދާހިއްލާ ފޯވެ ގުނބުހިލިފައެވެ. އިރުކޮޅަކުން ފުލުހުން ވެސް އެ ތަނަށް އަތުވެއްޖެއެވެ. މާ ގިނަ ސުވާލެއް ކުރުމެއް ނެތި، ފުލުހުންގެ ކާރަށް އެ ދެ މައިން އަރުވައިގެން ނައްޓާލައިފިއެވެ.
ފުލުހަށް ގެންދިޔުމުން އެ ދެ މީހުން ވެސް ތިބީ ފިނިވެފައެވެ. ބިރުގެންފައެވެ. ޣަފޫރަށް ގުޅާން އުޅެފައި ވެސް ގުޅާކަށް ނުކެރުނެވެ. މަގުމަތީގައި، އެތައް ބަޔެއްގެ ތެރޭގައި އުޅެވުނު ގޮތާ މެދު ކަންބޮޑުވެ ދެރަވެފައި ތިބިހެން ވެސް ހީވެއެވެ.
ފުލުހުން ޖަމީލާއާ ސުވާލުކުރުމުން، ސަލީމާ ބަސް ނާހައި އުޅޭތީ އަތް އިސްކުރެވުނީއޭ ބުނެ ބަހަނާ ދެއްކިއެވެ. ފުލުސް އޮފީހުން ދެ މައިންނަށް ނަސޭހަތް ދީފައި ފޮނުވައިލީ، އެ ފަދަ ކަންކަން ތަކުރާރު ނުކުރުމަށް ބުނެފައެވެ. އެކުވެރިކަމާ އެކު އުޅުމަށް ހަނދާންކޮށްދީ، ނަސޭހަތްދީފައެވެ.
ޖަމީލާމެންނަށް ގެއަށް އާދެވުނު އިރު، އެ ރޭގެ ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. ގެއަށް އައި އިރު، ވެސް އެ ދެ މީހުން އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ޖަމީލާގެ ހިތް އޮތީ މާޔޫސްކަމުގެ ފުން ކަނޑެއްގެ ތެރޭގައެވެ. އޭނާގެ ހިތް ބުނަމުން ދަނީ މި ރެއަކީ އޭނާގެ ހަޔާތުގެ ފަހު ރޭ ކަމުގައެވެ. ހިތް ތެޅެނީ މާ ބާރަކަށެވެ.
ޖަމީލާ އައިސް ދޮރާށީގެ ތަޅުގައި ހިފައިލިއެވެ. ތުރުތުރުއަޅާ އަތަކުން އޭނާ ބެލް ޖަހއިލިއެވެ. އިރުކޮޅަކުން ދޮރޯށި ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ ޣަފޫރެވެ. ޣަފޫރުގެ މޫނުމަތީން ފެންނާން ހުރީ ބުނެދޭން ނޭނގޭ ކަހަލަ ކުލަވަރެކެވެ. ހަމަ ގައިމު ވެސް އެ މޫނުމަތީން ގާތްކަމެއް ނުފެނެއެވެ. ރުޅިވެރިކަމެއް ވެސް ފެންނަހެނެއް ހިޔެއް ނުވެއެވެ. އޭނާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ. ފަހަތުން ސަލީމާ ވެސް ވަނެވެ. ދޮރާށި ލައްޕާފައި އެ ދެމައިންގެ ކުރިމައްޗަށް ޣަފޫރު އެރިއެވެ. އޭރު އަދި އެ މީހުންނަށް ގޭތެރެއަކަށް ނުވަދެވެއެވެ.
“ކޮން ތާކުން ޖަމީލާ ތި އައީ؟” ޣަފޫރު ސުވާލުކުރީ ހަމަ އާދައިގެ ގޮތަކަށެވެ. އޭނާއަށް ކަނޑެއް ފަޅެއް ނޭނގޭކަން ޖަމީލާއަށް ޔަގީންވިއެވެ.
“ފިހާރަތަކަށް ވަދެލެން ދިޔައީ.” ޖަމީލާގެ ހިތަށް ހަމަޖެހުން ލިބުނެވެ.
“ކިތައް ފިހާރައަށް ވަނިން؟” ޣަފޫރު އެ ކުރީ ސަމާސާއެކޭ ޖަމީލާއަށް ހީވިއެވެ.
“އެހެން ނުއެއް ގުނާނެއެއްނު!” ހިނިއައިސްފައި ހުރެ ގެއަށް ވަންނަން ޖަމީލާ ފިޔަވަޅު އެޅިއެވެ.
“މަޑުކޮށްބަލަ!” ޖަމީލާއަށް ހުރަސްއަޅައި އޭނާ އެތެރެއަށް ވަނުން ޣަފޫރު މަނާކުރިއެވެ. “ތެދަށް ބުނެބަލަ! ކޮންތާކުން ތި އައީ؟”
“އަޅެ މި ބުނީނު!”
“ދޮގުހަދަން ތި ވަރުގެ އަންހެނަކު މަ ނުދެކެން.”
“ދޮގެއް ނުހަދަމޭ!” ޖަމީލާގެ މޭ ތެޅެންފެށިއެވެ.
“މަށަށް އެނގޭ ޖަމީލާ ތި އައީ ފިހާރަތަކަށް ހިނގާފައި ނޫންކަން. ދެމައިން ކޮންމެވެސް ގަނޑެއްގަނެފައި ތި އައީ. އެހެންނޫންނަމަ މިހައި ލަސްވާންދެން ބޭރަކު ނޫޅޭނެ!”
“ސުބުހާނަﷲ! ހެޔޮނުވާނެ ތިހެން ބުނާކަށް!” ޖަމީލާ އަވަސް އަވަހަށް ދިފާޢުގައި ވާހަކަ ފެށިއެވެ. “އަހަރެން ނުކުރަން އެއް ކަމެއް ވެސް. އެހެންނޫނަސް އަހަރެން ޣަފޫރު ދެކެ ވަރަށް ލޯބިވޭ! އަހަރެންގެ ބޮލުގައި ދޮގު އިލްޒާމު ނާޅުވާ!”
“އެހެންވިއްޔާ އަހަރެން މި ކުރާ ސުވާލަށް ޖަވާބުދީ!” ޖަމީލާއާ ހަތަރު ކަޅި ހަމަކޮށްލަމުން ޣަފޫރު ބުންޏެވެ. “މޫސަބޭ ކިޔާ މީހަކު ދަންނަންތަ؟”
ޣަފޫރުގެ ސުވާލާ އެކު ޖަމީލާ ސިހުނެވެ. ދެ ލޯ ބޮޑުވިއެވެ. ކުއްލިއަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އެހެންނަމަވެސް ދޮގުހަދަން އާދަވެފައިވާ އޭނާގެ ސިކުނޑި، އޭނާއަށް ދޮގުހަދަން ފުރުސަތު ފަހިކޮށްދިނީ ނުހަނު ފަސޭހައިންނެވެ.
“ނުދަންނަން!” ޖަމީލާ ބޯ ހަލުވައިލިއެވެ. ހުވަފެނުން އެއް ރެއަކު މޫސަބެއަށް ގޮވުނުކަމާއި ސަލީމާ ކުރީ ދުވަހު ރޮއިރޮއިފައި މޫސަބެއާ އިންނާނަމޭ ކީ ހަނދާނެއް އޭނާއެއް ނެތެވެ. އެ ހުރިހައި ކަމެއް ޣަފޫރު ހަނދާން ހުއްޓެވެ.
“އެހެންތަ؟” ޣަފޫރު ގާތަށް ހިނިއައެވެ.
“އެއްކަލަ ރޭ ހުވަފެނުން ގޮވައި އާދޭސްކުރީ ކޮން މޫސަބެއަކަށް؟”
“އެއީ… އެއީ….”
“ދެން ހަމަ ނުދަންނަންތަ؟”
“އާނ!” ޖަމީލާ ހާސްވިލެއް ބޮޑުކަމުން ދާހިއްލައި ފޯވަމުން ދިޔައެވެ.
އިރުކޮޅަކުން ގޭތެރެއިން މީހަކަށް ޣަފޫރު އިޝާރާތްކޮށްލިތަން ފެނުނެވެ. “އެހެންވިއްޔާ މީ ދަންނަ މީހެއްތަ؟”
ޣަފޫރު އިޝާރާތްކުރި މީހާއާ ދިމާއަށް ޖަމީލާއާއި ސަލީމާއަށް އެއް ފަހަރާ ކަހަލަ ގޮތަކަށް ބަލައިލެވުނެވެ. އެ ވަގުތު ޖަމީލާއަށް ހީވީ އޭނާގެ ފުރާނަ ހަށިގަނޑުގެ ތެރެއިން ދެމިގަތް ހެންނެވެ. ބޮލަށް އެނބުރުން އަރައިގެންފައި ނުވެއްޓުނީ ވެސް ކިރިޔާއެވެ. ސަލީމާއަށް ވެސް ހުރެވުނީ، ދެ ލޯ ބޮޑުކޮށްފައި ބަލާށެވެ. ޣަފޫރު ގާތުގައި ހިނިއައިސްފައި އެ ހުރީ މޫސަބެއެވެ. އަނެއްކާ މީ ފެންނަނީ ހުވަފެނެއް ބާވައެވެ؟ ޖަމީލާގެ ބަސް ހުއްޓުނެވެ. ބުނާނޭ ހަމަ އެކައްޗެއް ވެސް ނޭނގުނެވެ. އިސްދަށަށް ޖަހައިލެނީ ގޮތް ހުސްވެގެންނެވެ.
“ޖަމީލާއަށް ހީވަނީތަ އަހަންނަށް ހަމަ އެއް ކަމެއް ވެސް ނޭނގޭނެއޭ. ޖަމީލާ ހިތުން ޖަމީލާއަކީ ވަރަށް ބޯ ބޮޑު، ސިކުނޑި ފުޅާ މީހެއް! ޖަމީލާ ތި ގަންނަ ހުރިހައި ގަނޑެއް، ދުވަހުން ދުވަހަށް މަށަށް އެނގެމުން އައީ. ބުނަންތަ ޖަމީލާ! މަކަރާ ހީލަތުން އެއްވެސް މީހަކަށް މޮޅެއް ނުލިބޭނެ! ތީ ކިހައި ރީތިކޮށް، ކިހައި އަރާމެއްގައި މި ގޭގައި އުޅެވެން އޮތް މީހެއް. ބޮޑު ގެއެއްގެ ވެރިކަން ދިނީމަ އުޅޭން ނޭނގުނު ތާނގައި، ޖަމީލާގެ ލަގޮނޑީގައި ލީ ނާށި. މަށާ މަގޭ ދަރިފުޅާ ޖައްސަން މަސައްކަތްކޮށް، އެވަރުން ނުފުދިގެން މަގޭ ދުވަސް ދުއްވާލާފައި، އުމުރު ދުވަހު އަހަރެން ކުރި ބުރަ މަސައްކަތުން ހޯދި މުދާކޮޅާއި މި ގެ ވެސް އަމިއްލަ ކޮށްލަން މަސައްކަތް ކުރީ. އެހެންވީމާ ޖަމީލާއަކީ މަށަށް ހުރި ކިހައި ބޮޑު ބިރެއް!”
“ނޫން! ނޫން! ޣަފޫރު! އަހަރެން ދެން އެހެނެއް ނޫޅޭނަން! އަހަންނަށް މާފުކުރޭ ޣަފޫރު!” ޖަމީލާ ރޮއިގަތެވެ.
“ޖަމީލާ ކުރި ހުރިހައި ކުށަކަށް އަހަރެން މާފުކޮށްފިން!” ޣަފޫރުގެ މި ޖުމުލައާ އެކު ޖަމީލާގެ ހިތަށް ފިނިކަން ލިބުނެވެ. “އެކަމަކު ދެވަނަ ފަހަރު ކަށިޖަހާކަށް ފުރުސަތެއް ނުދެވޭނެ! މިހާރުން ފެށިގެން ތީ މަގޭ އަނތްބެއް ނޫން!”
ޖަމީލާ ރޮއިގަތެވެ. އެ އަޑެއް ޣަފޫރު ނޭހިއެވެ. އަހާކަށް ބޭނުމެއް ވެސް ނުވިއެވެ. އޭނާ ޖަމީލާއަށް އެންގީ، އެ ދެމައިންގެ އެއްޗެއް ހުރިއްޔާ ހިފައިގެން އެ ރޭ އެ ގެއިން ނިކުތުމަށެވެ. ތިން މަސް ދުވަހު ޖަމީލާ އިންނާނެ ތަނެއް އޭނާ ހަމަޖައްސައިދިނެވެ. އަދި ތިން މަސްދުވަހުގެ ޚަރަދު ވެސް ދިނެވެ. ދެ ލޮލުން ކަރުނަ އޮހޮރަކުން ޖަމީލާއަށް މަޖުބޫރުވީ އެ ގެއިން ނުކުންނާށެވެ. ޣަފޫރުގެ ފިހާރައިގައި އުޅޭ މުހައްމަދާ އެކު، ކުލީ ކޮޓަރިއަށް ޖަމީލާގެ ދެ މައިން ވަންއިރު، އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ލިބުނު ނިއުމަތަށް ޝުކުރުވެރި ވެވުނު ނަމައެވެ. ހާލުގައި ޖެހުނު ދުވަހު ހަމްދަރުދީގެ ލޮލަކުން ބަލައިލާނެ އެކަކު ވެސް ނެތެވެ.
ނިމުނީ
Be the first to comment