ދެ ނަމާދު ދޭތެރޭގެ ވަގުތެވެ. މިސްކިތާ ދިމާއަށް ހިނގައިގަތީ، މަޣުރިބު ނަމާދުގެ ވާޖިބު އަދާކޮށްލުމުގެ ނިޔަތުގައެވެ. މިސްކިތު ގޯތިތެރެއަށް ވަންއިރު، އެގާރަ ބާރަ ވަރަކަށް އަހަރުގެ ތިންހަތަރު ކުއްޖަކު އިސްކުރުބަރި ކައިރީގައި ވުޟޫކުރާން ތިއްބެވެ. ނޫނެކެވެ. ވުޟޫ ކުރާކަށް ނޫނެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް ސަކަރާތް ޖަހާށެވެ. އެކަކު އަނެކަކުގެ ގަޔަށް ފެންޖަހައި މަޖާ ނަގާށެވެ.
އެ ކުދިންނާ ޖެހިގެން، އެއް އިސްކުރު ދޫކޮށްފައި، މެދު އުމުރުގެ މީހަކު ވުޟޫކުރާން އޮތެވެ. އެއް ކުއްޖަކު އަތް ގޮށްޓަށް ފެން އަޅާފައި އަނެއް ކުއްޖާއާ ދިމާއަށް އުކާލިއެވެ. އެ ކުއްޖާ އެ ފެންގޮށިން ރެކުނެވެ. ޖެހުނީ މެދުއުމުރުގެ މީހާގެ ގަޔަށެވެ. އޭނާގެ ގަމީހުން ބައެއް ތެމުނެވެ. މި މަންޒަރު ފެނިފައި، ތިން ކުދިން ޕަކަޕަކައަޅާފައި ހީނގަތެވެ. އެ ކުދީންނަށް އެކަން ވީ މަޖަލަކަށެވެ. އެ މީހާ ހިންދެމިލާފައި، ވަރަށް ރީތިކޮށް، މަޑުމައިތިރިކަމާއެކު އެ ކުދީންނާ މުޚާތަބުކުރާން ފެށިއެވެ. މިއީ މިސްކިތެއްކަން ހަނދާންކޮށް ދިނުމަށާއި ސަކަރާތް ނުގަތުމަށް ނަސޭހަތްތެރިވުމަށެވެ.
އެ މީހާ ވާހަކަދައްކާން ފެށުމާއެކު، ދެނަކާ ދެނެއް ނެތެވެ. ހީވީ އެމީހާގެ ގަޔަށް ބޮލަށް އަރައިގެންފާނެ ހެންނެވެ. މިއީ ކަލެއަކާ ބެހޭކަމެއް ނޫނެވެ. މީ ކަލޭގެ ގެއެއް ނޫނެވެ. ކަލޭތީ ކާކު ހެއްޔެވެ؟ އެންމެ ލަފުޒެއް ބުނެލާނެ ފުރުޞަތު ވެސް އެ ކުދީން އޭނާއަކަށް ނުދިނެވެ. އެއަށްވުރެ އެ ކުދީން ތިބީ މާ ކުރީގައެވެ. އެންމެފަހުން އޭނާއަށް ޖެހުނީ، އިސް އޮބާލައިގެން އެނބުރި ދާށެވެ. ހިތަށް އެރިއެވެ. ސަހަރޯއެވެ. ގައުމުގެ ހާލަތެވެ. މާދަމާގެ މުސްތަޤުބަލުގެ ތަރުބިއްޔަތެވެ.
ދިވެހި ތާރީޚީ ފޮތްފޮތުގެ ޞަފުޙާތަކުގައި ލިޔެފައި ހުއްޓާ ފެނެއެވެ. ދިވެހިންނަކީ މަޑުމައިތިރި، އެކަކު އަނެކަކަށް ކަމޭހިތާ، އިހުތިރާމްކުރާ ބައެކެވެ. އަދިވެސް މި ފަދަ ރީތި އެތައް ސިފަތަކަކާ ދިވެހިންނާ ގުޅުވައިގެން ރީތި އިބާރާތްތަކުން ލިޔެފައި ހުންނާތީ ފެނެއެވެ. އިހުޒަމާނުގެ ވާހަކަ ތަކުގައި ދިވެހި މުޖުތަމަޢު ސިފަކޮށްފައި ވަނީ ވެސް، އަދަބުވެރި، އިހުތިރާމީ ބަޔެއްގެ ގޮތުގައެވެ. އެކަމަކު މިއަދު އެ ފަދަ ސިފަތައް ދިވެހިންގެ ކިބައިގައި ހުރީ ކިހައި މިންވަރަކަށް ބާވައެވެ؟ މިއަދު އެފަދަ ލިޔުމެއް ލިޔާ މީހަކު، ދިވެހިންނާ ގުޅުވައިގެން އެ ފަދަ ސިފަތަކެއް ގެނެސްފާނެ ބާވައެވެ؟
ޝައްކެއްނެތި އެނގޭ ކަމަކީ، މިއަދުގެ ގިނަ ދިވެހިންގެ ކިބައިގައި، އިހު ދިވެހިންގެ ކިބައިގައި ހުރި، އިހުތިރާމް ކުރުމުގެ ސިފަ ނެތްކަމެވެ. މީހަކު ރަނގަޅަކަށް ވެސް އެއްޗެއް ބުނެފި ނަމަ، އެއާ ވިއްދައި، ތިންހަތަރު ބަސް ބުނެލުމަކީ، ދުލަށް ނުހަނު ލުއިފަސޭހަ ކަމެއް ކަމެވެ. މި ބަލި މުޅި މުޖުތަމަޢުގައި މި ވަނީ އަށަގެންފައެވެ. ވެރިންނަކަށް ރައްޔިތުން އިޙުތިރާމެއް ނުކުރެއެވެ. މުދައްރިސުންނަށް ދަރިވަރުން އިޙުރިރާމެއް ނުކުރެއެވެ. މައިން ބަފައިންނަށް ދަރިން އިހުތިރާމެއް ނުކުރެއެވެ. ބޮޑެތި މީހުންނަށް ކުޑަކުދިން އިޙުތިރާމެއް ނުކުރެއެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް، މިއީ މިއަދުގެ ދިވެހި މުޖުތަމަޢުގައި ކަން އޮތް ގޮތެވެ.
އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ، މާތްވެގެންވާ އިސްލާމްދީން ނުހަނު ބާރުއަޅާ ކަމެކެވެ. ތިމާގެ އަމިއްލަ ފައިދާއަށާއި މަޞްލަޙަތަށް ޓަަކައި އެކަންޏެއް ނޫނެވެ. އަނެކާގެ ލާބައަށާއި މަންފާއަށް ޓަކައެވެ. މުޖުތަމަޢުގެ ރައްކާތެރިކަމަށާއި ހެވަތަށް ޓަކައެވެ. މި ފަދަ ފައިދާތަކެއް އެކަމުގައި އޮތް އިރު، މި މަތިވެރި ސިފައާ ދުރުހެލިވެ، ތިމަތިމާމެންނަށް ގެއްލުމާއި ހަލާކުހުރި ސިފަތަކަކަށް ތަރުހީބު ދެވެނީ ކީއްވެގެން ބާވައެވެ؟
އެކަކު އަނެކަކަށް އިޙުތިރާމްކުރުމަކީ ތަހުޒީބާ އިދިކޮޅު، “ކަޓް” ސިފައެއްކަމަށް ގަބޫލުކުރާ ބަޔަކު ވެސް މިއަދުގެ މުޖުތަމަޢުގައި އުޅެއޭ ބުނުމަކީ ގޯހެއް ކަމަކަށް ނުދެކެމެވެ. އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި، އެންމެ މޮޅު މީހާއަކީ، އަދި އެންމެ ގަދަ މީހާއަކީ، ކުޑައެއް ބޮޑެއް، ފިރިހެނެއް، އަންހެނެއް ބެލުމެއްނެތި، ހިތު ހުރި ގޮތަކަށް އުޅޭން ކެރޭ މީހާއެވެ. ދުލަށް އަންނަ ކޮންމެ ލަފުލެއް ބުނެ ވީއްލައިލާން ކެރޭ މީހާއެވެ.
ދިވެހިރާއްޖޭގެ އިސްކޫލްތަކުގައި “އިސްލާމީ ތަރުބިއްޔަތު”ގެ ނަމުގައި ވަކި މާއްދާއެއް ކިޔަވައި ދެއެވެ. ގުރޭޑް އެކަކުން ފެށިގެން، ގުރޭޑު ބާރައިގެ ނިޔަލަށް ވެސް މި މާއްދާ ކިޔަވައިދެއެވެ. ފޮތްތަކުގެ ފެންވަރު ރަނގަޅެވެ. ކިޔަވައިދެއްވަނީ ގާބިލު މުދައްރިސުންނެވެ. ކުލާސްތައް ދަނީ، ނަސޭހަތާއި ދަރުސްގެ ކުލާސްތަކެއްގެ ގޮތުގައެވެ. ކަން މިހެން އޮތްއިރު، ގައުމުގެ ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓުނީ ކީއްވެގެން ބާވައެވެ؟ ސަބަބެއް އޮންނާނެއެވެ. ގައުމަށް އައިސްގެން މި އުޅޭ ނުކިއްސަރު ތަރައްގީ ބާވައެވެ؟ ބަވަނައިގެ ތެރެއިން އައި، ލާމެހުން ބާވައެވެ؟
ކޮންމެ ސަބަބަކާހުރެ ނަމަވެސް، މިއަދު ގައުމުގެ ހާލަތު މި އޮތީ ވަރަށް ދެރަވަރު ހާލަތަކަށް ވެއްޓިފައެވެ. މިއީ ސަމާސާ ކަމެއް ނޫނެވެ. ވިސްނާ ފިޔަވަޅުއަޅާން މަޖުބޫރުވެފައިވާ ކަމެކެވެ. ފަރުދީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އިޖުތިމާޢީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އެހެންނޫނީ އިސްކުރުބަރި ކައިރީގައި ވުޟޫކުރާން ތިބި ކުދިންގެ އަމަލު ކީއްކުރަން ހެއްޔެވެ؟ އެއަށްވުރެ މާ ނުރައްކާތެރި މާ ބޮޑެތި ކަންކަން ވެސް ކަމަކަށްނުވެ ހިނގައިދާނެއެވެ. އަދުގެ ކުޑަކުދީންނާއި ޒުވާނުން ގޮވައިގެން، ބިރުވެރި ދުވަސްތަކަކާ ދިމާއަށް ގައުމު ދަތުރުކޮށްފާނެއެވެ.
ނިމުނީ
Be the first to comment