ހިމޭން ލޯބި

ފަތިސްނަމާދުކޮށްގެން އޮށޯވެ ނިދިޖެހުނުތަނާ ކަހަލަ ގޮތަކަށް، ވާސިފުގެ މަންމަ އައިސް ވާސިފަށް ގޮވައިފިއެވެ. ކުލާހަށް ދާ ގަޑިޖެހޭތީއެވެ. ގިނަ ދުވަސްދުވަހު 8 ޖަހާއިރު ކުލާސް ފެށުނު ނަމަވެސް، މިއަދު ކުލާސް ފެށޭނީ 10 ޖަހާއިރުއެވެ. ފުރަތަމަ އޮންނާނީ ކޮންޕިއުޓަރު ކުލާހެވެ. އެއީ އޭނާ ދާހިތުން ދާ ކުލާހެއް ނޫނެވެ. އެ ކުލާހުގައި އޭނާއަށް ނޭނގޭ އެއްވެސް އެއްޗެއް ކިޔަވައެއް ނުދެއެވެ. އޭނާ އެ ކުލާހަށް ދަނީ އޭނާގެ މަލަކާ އެ ކުލާހުގައި އިންނާތީއެވެ.

މިއަދު ކުލާސް ފެށޭނީ 10 ޖަހާއިރުއޭ މަންމަގާތުގައި ބުނެފައި، އެނދު ބިތްދޮށަށް އެނބުރި ބާލީހުގައި ބައްދާލަމުން ވާސިފު ލޯ މަރައިލިއެވެ. އޭނާ ބޭނުންވީ ނިންޖާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ނިދެމުން ދަނިކޮށް، އެނދުމަތީގަިއ އޮތް ފޯނު ކުސްތަޅައިގެންފިއެވެ. ޗޮކެެއް ކަނޑައިލެވުނީ ބަރުވެފައިވާ އެސްފިޔަތައް އުފުލައިލަން ޖެހުނީމައެވެ. ތުންފަތްމައްޗަށް ވެރިވި ލުއި ހިނިތުންވުމުގެ އަސްލަކީ، ފޯނަށް އަރާފައި އޮތް ފަސް އަކުރެވެ.

“ހަލޯ އައިޝާ!”

“ޔެސް! ހޭލާ ދޯ؟”

“ނިދިފައި އޮތަސް އައިޝާ ގުޅީމަ ހޭލެވޭނެއެއްނު!” ހިތުގެ ފުނުން ނިކުތް ޖުމުލައިގައި ސަމާސާ ކުލަ ޖައްސައިލުމަށްފަހު އައިޝާއަށް ވެދުންކުރިއެވެ.

“ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެން މި ގުޅީ.”

“ކޮން ވާހަކައެއް؟ އަވަހަށް ބުނޭ!”

“ދިމާވީމަ.”

“ދެން ބުނެބަލަ! އޯކޭވާނެ!”

“ސިއްރެކޭ! ފޯނަށް ވެސް ސިއްރުން ބުނަން ބޭނުންވަނީ.” އައިޝާގެ ސަކަ ހިނިގަނޑުން ވާސިފުގެ ހިތް ފުރާލިއެވެ.

“އަނެއްކާ…… ކޮން ފަދަ ވާހަކައެއް؟”

“އެއްވެސް ހިންޓެއް ނޯންނާނެ! ތައްޔާރުވެލައިގެން އަށް ގަޑި ބަޔަށް ފެކަލްޓީއަށް އާދޭ!”

“މަޑުކޮށްބަލަ! މަޑުކޮށްބަލަ!” އައިޝާ ފޯނު ބާއްވަން އުޅުމުން އަވަސް އަވަހަށް ވާސިފު ބުންޏެވެ.

“ހޫނ!”

“ސިރުޚީ އަޅައިލަބަލަ!” އައިޝާ ބުނަން އުޅޭ ވާހަކަ، މިހާރުން މިހާރަށް ވެސް އެނގެން ވާސިފު ބޭނުންވެއެވެ

“ސުރުޚީ ބުނާއިރަށް ދެން ބުނާނީ ފެށުން ކިޔައިލާށޭ! ދެން ބުނާނީ މައިގަނޑުން ބައެއް ކިޔައިދޭށޭ! އެއަކަށް ނިމުމެއް ނާންނާނެ!” އައިޝާގެ އަޑުގައި ހުރި އުފާވެރިކަން، ވާސިފުގެ ހިތުގެ ފުނަށް ފޯރަމުން ދިޔައެވެ.

“ދެން އޯކޭ! އުފާވެރިތަ ނޫނީ…”

“ވާސިފަށް ވާނީ ވަރަށް އުފާވެރި ވާހަކައަކަށް.”

ފޯނު ބޭއްވިގޮތަށް ވާސިފަށް މައްޗަށް ބަލައިލަމުން ދެ ލޯ މަރައިލެވުނެވެ. ހިތުގެ އަޑީން ހަމްދުކުރެވުނެވެ. ރޭ އިޝާނަމާދަށްފަހު އޭނާ ކުރި ދުޢާ އިޖާބަކުރެއްވީ ކަމުގައި ހިތް ބުނާން ފެށިއެވެ. އެހެންކަމުން ފާޚާނާއަށް ވަދެ އަވަސް އަވަހަށް ފެންވަރައި ތައްޔާރުވެލައިގެން، ކޮޓަރީން ނިކުތެވެ.

“ދަރިފުޅާ! ހާދަ އަވަހަކަށް! އަދި އަށެކޭ އެ ޖަހަނީ.”

“އެނގޭ މަންމާ! ވަރަށް މުހިންމު ގަޑިއެއް ހަމަޖެހުނީއޭ.”

“ސައި ވެސް ނުބޮއި ދަނީ؟”

“ސަޔަށްވުރެ މާ މުހިންމު ގަޑިއެއް!”

“އެހެންވިއްޔާ ކޮފީ ތަށްޓެއް ބޯލައިގެން ދާން މަޑުކުރޭ!”

“ކޮފީއަށްވުރެެ ވެސް މުހިންމު ގަޑިއެއް މަންމާ!” ބޫޓަށް އެރިގޮތަށް ވާސިފު ހިނގައިގެންފިއެވެ.

“ދަރިފުޅާ! ފޮތެއް އެެއްޗެއް ވެސް ނުގެންދަންތަ؟”

“ފޮތަށްވުރެ ވެސް މުހިންމު ގަޑިއެކޭ މަންމާ!”

މަންމަގެ ފަރާތުން އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރީން، ވާސިފު ނިކުމެ ސައިކަލަށް އަރައި ނައްޓާލައިފިއެވެ. ވައިރޯޅިއާ ވާދަކޮށްލި ކަހަލައެވެ. ފެކަލްޓީއާ ހަމައަށް ދެވުުނުއިރު ކިރިޔާ އަށެއްޖެހީއެވެ. އައިޝާ އަންނަން އަދި ބައިގަޑިއިރު އެބަ އޮތެވެ.

ވާސިފު ގޮސް ގަސްދަށުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޖައްސާލީ، އައިޝާއަށް ޓަކައި ފޮނިިފޮނި އިންތިޒާރެއް ކުރަމުންނެވެ. އެ މާހައުލަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރޭގައި، އޭނާއާއެކު ވަނީ ހަމައެކަނި އައިޝާގެ ރީތި ސޫރައެވެ. އެ ސޫރައާއެކު އޭނާ ދަތުރުކުރީ، މީގެ ތިން އަހަރު ކުރިއަށެވެ. ގުރޭޑު 11 ގައި ކިޔަވަމުން އައި އުފާވެރި ދުވަސްތަކާ ހަމައަށް ދިޔައިރު، އޭނާ އިނީ ސީއެޗްއެސްއީ ޔުނިފޯމުގައެވެ. އޭނާއަށް އައިޝާ ފެނުނީ ކުލާހުންނެެވެ. އެހެން ކުދިންނެކޭ އެއް ފަދައިންނެވެ.

އޭނާގެ ހިތުގައި އައިޝާގެ ސޫރަ ފުރަތަމަ ފަހަރަށް ޓަކިދިނީ، ދިވެހި ދުވަހަށް، ވާދަރައިވަރު ފަރިތަކުރަން އުޅުނު އުޅުމުގެތެރޭގައެވެ. އެ އިހުސާސްތައް ހިތުގައި ބޮކިޖަހައި ކެކެންފެށީ، ޖެހިގެން އައި އަހަރު، ކުޅުނު ތަމްސީލަކާ ހަމައިންނެވެ. އެ ތަމްސީލުގައި އައިޝާއަކީ އޭނާގެ ލޯބިވެރިޔާއެވެ. 3 ރޭ ގެ ޝޯވް ނިމުނުއިރު، ވާސިފުގެ ހިތް ވަނީ އައިޝާއަށް ހިބަކޮށްދީފައެވެ. އައިޝާއަށް ވެސް ސިއްރުންނެވެ.

އޭގެފަހުން އައިޝާ ފެނުނަސް އޭނާގެ ނާރުތަކަށް ދިރުންލިބެއެވެ. ހަށިގަނޑުގައި ޖޯޝް އުފައްދައެވެ. އާއެކެވެ. އައިޝާދެކެ އޭނާ ވާ ލޯބި ބައެއް ފަހަރު އުތުރި އަރައިގަނެވެ. އެ ފަދަ ހާލަތްތަކުގައި، އެ ލޯބީގެ މައްޗަށް އޭނާ ގަދަވެގަނެ، ހަމަހިމޭން ނިންޖަކުން ނިންދަވާލަނީ އައިޝާގެ ހިތުގެ ފުންމިން ނޭނގޭތީއެވެ. އެ ހިތުގެ އޮއިވަރު ވަޒަންކޮށްލާނެ މިންގަނޑެއް ލިބިފައި ނެތީމައެވެ.

ޓީޗިންގ ދާއިރާއަކީ ވާސިފު ކުރިއަށްދާން ބޭނުންވި ދާއިރާއެއް ނޫނެވެ. އޭނާ ބޭނުންވީ ޖައްވުގައި އުދުހޭށެވެ. އެހެންނަމަވެސް އައިޝާގެ ކުރިމަގު، ކިޔަވައިދިނުމަށް އަމާޒުކުރިކަން އެނގުނު ދުވަހުން ފެށިގެން، ވާސިފުގެ ޝައުޤުވެރިކަން ވެސް އެ ދިމާއަށް ހުއްޓުނީއެވެ.

“ޕައިލެޓަކަށް ވާނަމޭ ކިޔައިގެން އުޅެފަ ކިހިނެއް ތި ހެދީ؟” ޓީޗިންގ ކޯހަށް ވާސިފު ފޯމުލީކަން އެނގުމުން، އައިޝާ އަހައިލީ ހައިރާންކަމާއެކުގައެވެ.

“ޖައްވުގައި ބުރުއަޅާ ވިލާތައް ވެސް، އެކި ފަހަރު އެކި ސިފައަށް ބަދަލުވެއެއްނު!”

“ތިބުނީ ވާސިފުގެ ހިތަކީ ވިލާގަނޑެކޭތަ؟” އައިޝާ ހިނިގަނޑެއް ޖަހައިލިއެވެ.

“އެހެންތާ މި ވީ.” ވާސިފު ވެސް ހީނލިއެވެ.

“ތި ކަހަލަ ހިތަކާ މަވާ ސަލާން!” އައިޝާގެ އަޑުގައި ހުރީ ސަމާސާގެ އުފާވެރި ރަހައެވެ.

“ތި ބުނީ؟”

“އެ ސީރިޔަސްވީ!” އައިޝާ އަނެއްކާ ވެސް ޖަހައިލީ ހިނިގަނޑެކެވެ.

ޓީޗިންގ ކޯހުގައި އައިޝާގެ އެންމެ ގާތް މިތުރަކީ ވާސިފެވެ. އެކަކަށް ދިމާވާ ކަންކަން އަނެކާއާ ހިއްސާކުރެއެވެ. މި ކަމުގައި އައިޝާ އުޅޭނީ މާ ކުރީގައިހެން ހީވެއެވެ. މީހަކު ނު ގޮތަކަށް އޭނާއާ ދިމާއަށް ބަލައިލިޔަސް، ވާސިފުގާތުގައި ބުނެއެވެ.

އައިޝާއަށް ނަވާރަ އަހަރު ފުރުނީ، ވާސިފަށް ނަވާރަ އަހަރު ފުރުނުތާ ފަސްމަހާ ސަތާރަ ދުވަސް ފަހުންނެވެ. އެ ދުވަހު ސަމާސާއަކަށް ހަދާފައި ވާސިފު ބުނެލިއެވެ.

“ނަވާރަ އަހަރު ފުރުނުއިރު ވެސް، މީހަކާ އިންނާކަށް ނޫޅެންތަ؟ ތިހެން އިންދާ މުސްކުޅިވެދާނެ!”

“މަށަށްވުރެ ކުރިން ނަވާރަ އަހަރު ފުރުނީ ވާސިފަކަށްނު. އެހެންވީމާ އަވަހަށް މުސްކުޅިވާނީ ވެސް ވާސިފު.” ހިނިގަނޑަކާއެކު އައިޝާ ބުނެލިއެވެ.

“އަހަރެން މި ހުންނަނީ އިންނާނެ މީހަކު ނުވެފައޭ.”

“ވަރަށް.”

“އަންހެންކުދިން ޖެހޭނެ، އުމުރުން ވިހި އަހަރު ވާއިރަށް ކައިވެނިކުރަން.”

“ތީ ކޮން ފޮތެއްގައި އޮތް ވާހަކައެއް؟”

“ބޮޑުފޮތުގަ.” ވާސިފު ހިނިގަނޑެއް ޖަހައިލިއެވެ.

“ވާސިފު ނޫޅެންތަ ބިޓެއް ނަގާކަށް ވެސް؟”

އައިޝާގެ އެ ސުވާލު ވާސިފަށްވީ ހަންދަރަކަށްވުރެ ވެސް ބުރަދަން ބޮޑު ސުވާލަކަށެވެ.

“ހާދަ ބިރެއް ތި ގަތީ. އެ ސުވާލު މި ބޭއްވީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވާސިފު އުފާވާ ކަހަލަ ޚަބަރެއް ލިބޭނެ!”

“ކުއްޖަކު ހޯދީތަ؟” އަވަސް އަވަހަށް ވާސިފަށް އަހައިލެވުނެވެ.

“ކިހިނެއް ހީވަނީ؟”

“ތި ހިތެއް މަށަކަށް ނުފެނޭ!”

“ވާސިފަށް ނުފެނި ދެން ކާކަށް ފެންނާނީ؟”

“ހަމަ އެހައި ޚާއްޞަތަ؟”

“އެ ކަމެއް ނޭނގެ؟”

އެ ދުވަހު ދެކެވުނު ވާހަކަތަކުން، ވާސިފުގެ ހިތުގައި އުއްމީދު ކަނިލިއެވެ. އޭނާގެ ހިތުގައި އައިޝާއަށް ދެވިފައިވާ މަޤާމު އެތައް ގުނައަކަށް އުފުލުނެވެ. އައިޝާގެ ކަންފަތްދޮށުގައި ލޯބިވާ ވާހަކަ ބުނެލާ ހިތް މާ ބޮޑަށް ވާންފެށިއެވެ.

އައިޝާގެ ފޮނިފޮނި ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިން ވާސިފަށް، ކުއްލި ސިހުމެއް ލިބުނީ، އޭނާގެ ކަންފަތަށް މީހަކު މަޑުމަޑުން ފުމެލުމުންނެވެ. އޭނާއަށް ތެޅިގެންފައި ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު ކަންފަތުގައި ޖެހުނީ، އައިޝާގެ ސަކަ ހިނިގަނޑެވެ.

“ނަސީބެއްނު މި ތަނުގައި މީހަކު ނެތްކަން.” ވާސިފު ހުރީ މޭގައި އަތް އަޅައިގެންނެވެ.

“އެ ވަރު ބެލީމޭ! ލައިބްރަރީގެ ހަނދާނެއް ނުނެތޭނެއެއްނު!”

އައިޝާ އެ ބުނީ، ގުރޭޑު 12 ގައި އުޅުނު އިރު، ދިމާވި ކަމެއްގެ ވާހަކައެވެ. އެ ދުވަހު ވާސިފު ލައިބްރަރީގައި އިންދާ، އައިޝާ ގޮސް ވާސިފުގެ ކަންފަތަށް ފުމެލުމުން، ލިބުނު ސިހުމުގައި ވާސިފަށް ހަޅޭއްލަވައިގަނެވުނީއެވެ. އެ ކަމާ ގުޅިގެން، ލައިބްރަރީގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 3 ދުވަހަށް ވާސިފު ސަސްޕެންޑް ކުރިއެވެ.

“އެ ދުވަހު ދިމާވި ގޮތަށް މި އަދު ކޯހުން ވަކިކޮށްފިއްޔާ މަ ކިހައި ދެރަވާނެ!” އައިޝާ އައިސް ވާސިފު އިން ގޮނޑީގައި ޖައްސާލިއެވެ.

“ދެން ތި ވާހަކަ ބާއްވާފައި، ދައްކަން އައި ވާހަކަ ދައްކަބަލަ!”

“ބުނަންވީ ދޯ” އައިޝާ އިނީ ވާސިފުގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ނުބުނަންޏާ ލިޔެލަންވީނު.” ވާސިފު އިނީ ކެތްތެރިކަން ކުޑަވެފައެވެ.

“ތީ މޮޅުގޮތެއް.” އަތް ދަބަހުން ކުޑަ ނޯޓުފޮތަކާއި ގަލަމެއް އައިޝާ ނެގިއެވެ. “ލޯ މަރާ!”

ވާސިފު ލޯ މެރިއެެވެ. އޭރު އޭނާގެ ހިތް ތެޅެއެވެ. އައިޝާ ލިޔާނީ ކީކޭ ބާވައެވެ؟ ވާސިފު އުފާވާ ކަހަލަ ވާހަކައެެއް ބުނަންޏާ އޭނާ ބުނާނީ ވާސިފުދެކެ ލޯބިވާ ވާހަކައެވެ. އެހެން ވެއްޖެ ނަމަ އޭގެ ޖަވާބު އޭނާ ދޭނީ އައިޝާގެ ހިތް އުފަލުން ބަންޑުންވާ ފަދަ ގޮތަކަށެވެ. ދުވަހަކު ހަނދާނުން ފިލައިގެން  ނުދާނޭ ފަދަ ގޮތަކަށެވެ.

“ދެން ހުޅުވާ!”

އައިޝާގެ ޖުމުލަ ރަނގަޅަށް ނުނިމެނީސް، ވާސިފު ލޯ ހުޅުވައިފިއެވެ. އޭރުއޭނާގެ ކުރިމަތީގައި ނޯޓުފޮތް އޮތެވެ. އޭގައި އޮތީ ހަމަ އެންމެ ޖުމުލައެކެވެ.

“ނައު މައި ހާރޓް އިޒް ޓޭކަން”

“ޓޭކަން؟” ވާސިފުގެ ހިތް ޑަންޑަންލާފައި ތެޅިގަތެވެ. އުފަލާއި ހިތާމަ ބެދުނު ހިސާބުގައި އޮވެއެވެ.

“އުފާވެއްޖެ؟” ދަތްދޮޅީގައި އަތް ވިދެލައިގެން އިން އައިޝާގެ ތުންފަތުގައި ވަނީ، ހިނިތުންވުމުގެ ހިތްފަސޭހަ ކުލައެވެ.

“އަދި ފުރިހަމައެއް ނުވެއެއްނު!”

“އޯހ… ނަން ދޯ!”

“އާނ!”

“މަޖީދު.”

އައިޝާގެ ދުލުން ބޭރުވި ނަމާއެކު ވާސިފަށް ހީވީ، ތޫނު ވަޅިއަކުން، އޭނާގެ ހިތުގައި މީހަކު ހުރަހަށާއި ދިގަށް ޅިޔަ އަޅައިލިހެންވެެ. ލޭ އޮހިގަތެވެ. އައިޝާގެ ހިތުގައި ލިޔެވިފައި ވަނީ އޭނާގެ ނަމެއް ނޫނެވެ. ކޮންމެވެސް މަޖީދެއްގެ ނަމެވެ. އައިޝާ އުފާވެފައި އިނދެ، މަޖީދަށް ތަޢުރީފުކުރަމުން ގެންދިޔައިރު، ވާސިފަށް އިނދެވުނީ ބަސްހުއްޓިފައެވެ. އެހެންނަމަވެސް އައިޝާގެ އުފަލަށް ޓަކައި، ގަދަކަމުން ހިނިތުންވެލައި މަރުޙަބާކިޔެވެ.

“އެ ވަރުގެ ކަމެއް ކޮށްލިއިރު، ކީއްވެ އަހަރެންގާތު ނުބުނީ؟” އެ ދުވަހު ކުލާސް ނިންމާފައި އައިޝާއާއި ވާސިފު ބޭރަށް ނިކުމެ، ވާހަކަ ދައްކަން ތިބެފައި ވާސިފު އަހައިލިއެވެ.

“މި ބުނީނު! ރޭގައޭ ޔެސް ބުނީ. މިއަދު ހެނދުނު ހެނދުނާ މި ބުނީނު.”

“ރަނގަޅު މީހެއްތަ؟”

“ހީވަނީ.”

“ކިހިނެއް ދިމާވީ؟”

“އެއީ ދޮންތަބެގެ ފްރެންޑެއް. ދެ މަހެއްހައި ދުވަސް ވެއްޖެ ފޯނުން ވާހަކަދައްކާތާ.”

“ކީއްވެ ތި ވާހަކަ ކުރިން ނުބުނީ؟”

“ހިތަށް އެރީ ހަމަ ސަޕްރައިޒްއެއް ދޭނީއޭ. އުފާވިތަ؟”

“އާނ! އުފާވި.” ހިތުގައި އުތުރިއަރަމުން ދިޔަ އުދާސްތައް އެތެރެހަށީގައި ގައިދުކޮށްފައި ބަހައްޓައިގެން އިނދެ ވާސިފު ވާހަކަ ދެއްކިއެވެ.

“މަޖީދު ބޭނުންވަނީ ވީހާވެސް އަވަހަށް ކައިވެނިކުރަން. ކިހިނެއް ވާނީ އެ ގޮތް.”

“ރަނގަޅު މީހެއް ކަމަށްވަންޏާ ކޮންމެހެން ލަސްކުރާނެކަމެއް ނެތެއްނު!”

ކައިވެނި ކުރަން އޮތް ދުވަހުގެ ކުރީ ދުވަހު ވާސިފަށް މަޖީދު ތަޢާރަފުކޮށްދިނީ އައިޝާއެވެ. މަޖީދުގެ ކިބައިން ވާސިފަށް ފެނުނީ ހިތްހެޔޮކަމާއި ގާތްކަމެވެ. ފެންނަ ފެނުމަށް ވަރަށް ރަނގަޅު މީހެއްހެން ހީވެއެވެ. ރަނގަޅު ފިރިއަކު އައިޝާއަށް ލިބުނީތީ، ވާސިފު އުފާކުރިއެވެ.

އައިޝާގެ ކައިވެނި ކުރެވިއްޖެއެވެ. އެ ރޭ އައިޝާއާއި މަޖީދު ގެއަށް ފޮނުވާފައި، ވާސިފު ގެއަށް އައީ ކަރުނަތައް ދިރުވަމުންނެވެ. އައިޝާއާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތަކުގެ ހަނދާންތައް އޭނާގެ ހިތަށް އަނިޔާދެމުން ގެންދިޔަ ނަމަވެސް، އައިޝާއަށް ޓަކައި އޭނާ ކުރީ ހެޔޮ ދުޢާއެވެ.

އައިޝާ މީހަކާ އިނުމުން، އައިޝާގެ މައިންބަފައިން މާލެ ދޫކޮށް ރަށަށް ބަދަލުވެއްޖެއެވެ. އެހައި ހިސާބުން ވާސިފަށް އައީ ފޫހި އެކަނިވެރި ދުވަސްތަކެކެވެ. ކައިވެންޏަށްފަހު އައިޝާއާ ދިމައެއް ނުވެއެވެ. ފޯނުން ވެސް ދިމާވަނީ މަދު ފަހަރަކުއެވެ. އައިޝާ ނުބުނާތީ އެ ގެއަށް ދާކަށް ވާސިފަކަށް ނުކެރެއެވެ.

ދިގު ދެ ހަފުތާއަށްފަހު މިއަދަކީ، ކިޔެވުން ފެށޭ ދުވަހެވެ. އެހެންކަމުން ހަތް ގަޑިބައި ނުވަނީސް، ޔުނިވަރސިޓީއަށް ވާސިފު އަތުވެއްޖެއެވެ. ކުލާހުގައި އިނދެ އޭނާ އައިޝާއަށް އިންތިޒާރުކުރަނީއެވެ. ކޮންމެ ކުއްޖަކު އައުމުން ވެސް އޭނާއަށް ބަލައިލެވެނީ އުއްމީދާއެކުގައެވެ. އިސްއޮބައިލެވެނީ މާޔޫސްކަމާއެކުފައެވެ. އަށެއް ޖަހައިފިއެވެ. ކުލާސް ފެށިއްޖެއެވެ. ވާސިފުގެ ހިތް އޮތީ ނުތަނަވަސްކަމުގެ އުލަކަށް މަހާލެވިފައެވެ.

ބްރޭކްގަޑި ޖެހުމާއެކު، އަވަސް އަވަހަށް ވާސިފު ކުލާހުން ނިކުތެވެ. ޖީބުގައި އޮތް ފޯނު ނަގައި އައިޝާގެ ނަންބަރަށް ގުޅިއެވެ. ތިން ހަތަރު ފަހަރު ގުޅުމަށްފަހު ޚަބަރެއް ނުވުމުން، ދެން ގުޅީ ރަށުގައި އިން އައިޝާގެ މަންމައަށެވެ.

“އައިޝާ މިއަދު ކުލާހަކަށް ނާދޭ! ގުޅާގުޅާ ފޯނެއް ވެސް ނުނަގާ!”

“ވާސިފަކަށް ނޭނގޭތަ؟ އައިޝާ އުޅެނީ ވަރަށް ބަލިވެއޭ.”

“ކިހިނެއްވީ؟” ވާސިފަށް ތެޅެގަނެވުނެވެ.

“ވީ ގޮތެއް ނުބުނޭ!” އައިޝާގެ މަންމަގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ. “އަޅެ ނިކަން އެ ގެއަށް ގޮސް، ވެގެން އުޅޭގޮތެއް ބަލައިލަދީބަލަ!”

ކުލާހަކަށް ކުލާހެއް ދޫކޮށްލާފައި ސައިކަލުގައި ވާސިފު ނައްޓާލައިފިއެވެ. އެ ދިޔަ ގޮތަށް ގޮސް މަޖީދުމެންގޭ ކައިރިއަށް މަޑުކޮށް، ދޮރޯށިދޮށަށް ހުއްޓި ބެލް ޖަހައިލިއެވެ. އިރުކޮަޅުކުން ބިދޭސީ އަންހެނަކު ދޮރޯށި ހުޅުވިއެވެ.

“ކޮބާ އައިޝާ؟”

“މެޑަމް ކޮޓަރީގަ.”

“ބޮސް ކޮބާ؟”

“ބޮސް ގޭގަ ނެތީ.”

“މެޑަމް ބަލިވެތަ އުޅެނީ؟”

“އަހަންނަށް ނޭނގެނީ.”

އިތުރު ސުވާލެއް ނެތި، ވާސިފު އެތެރެއަށް ވަދެއްޖެއެވެ. އޭނާއަށް ގޮސް ވަދެވުނީ ވަރަށް ރީތިކޮށް ހަދާފައި ހުރި ސިޓިންރޫމަކަށެވެ. ސިޓިންރޫމުގައި ހުރި ކޮންމެ އެއްޗަކުން ވެސް ފެންނަނީ ފައިސާގެ އޮފްކަމެވެ. އެހެންނަމަވެސް މި އިން ކަމަކަށް ވާސިފުގެ ސަމާލުކަމެއް ނުހުއްޓެއެވެ.

“މެޑަމްގެ ކޮޓަރި ކޮބާ؟”

އެ މީހާ ދެއްކި ކޮޓަރީގައި ވާސިފު ޓަކި ޖަހާލިއެވެ. ދެ ތިން ފަހަރަކު ޖަހައިލުމުން ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ އައިޝާކަން ދެނެގަންނަން ވާސިފަށް ވަގުތުކޮޅެއް ނެގިއެވެ. މޫނުމަތިން ފެންދަމާލައިފައި ހުރިލެއް ބޮޑުކަމުންނެވެ. ދެ ލޯ ވަޅުވަދެ، ހަށިގަނޑު ކަމީނާވެފައި ހުރިވަރުންނެވެ. އައިޝާއަށް ވާސިފު ފެނުމުން ހީވީ، ބޮޑު ބިރެއް ފެނުނުހެންނެވެ. ވަގުތުން ދޮރުލައްޕަން ހިފާލިއެވެ. އެހެންނަމަވެސް ހުޝިޔާރުކަމާއެކު ވާސިފު ކޮޓަރިތެރެއަށް ދެމިގަތެވެ.

“އައިޝާ! ތިހިރީ ކިހިނެއްވެފަ؟ ކީއްވެ ފިލަން ތި އުޅެނީ؟”

“ކީއްކުރަން ތި އައީ؟” އައިޝާގެ ލޮލުން ކަރުނަ އޮހިގަތް ނަމަވެސް، މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ.

“އައިޝާ ބަލިވެ އުޅޭކަން އެނގިގެން މި އައީ؟”

“މިހާރު ރަނގަޅު. ދެން މި ގެއިން ދޭ!”

“ކިހިނެއް ތި އުޅެނީ؟ ގުޅީމަ ފޯނެއް ނުނަގާ. މެސެޖެއް ކުރިޔަސް ޖަވާބެއް ނުދޭ. ކިޔެވުން ވެސް ދޫކޮށްލީތަ؟”

ވާސިފު ވާހަކަ ފެށުމާއެކު އައިޝާއަކަށް ކެތެއް ނުކުރެވުނެވެ. ބާރަށް ރޮވިއްޖެއެވެ.

“ވާސިފު! ހެޔޮނުވާނެ! ދެން މި ވަގުތު މި ތަނުން ދޭ!”

“ނުދާނަން! އައިޝާ ނުބުނަން އުޅުނަސް ހުރިހައި ކަމެއް މިހާރު އަހަންނަށް އެނގިއްޖެ!”

“މަޖީދު މިހާރު އަންނާނެ!”

“އައިޝާ ބިރުގަތަސް އަހަރެން އޭނަ ދެކެ ބިރެއް ނުގަނޭ!”

“މަޖީދު އޮތީ ވާސިފާ ވާހަކަ ދެއްކުން މަނާކޮށްފަ. އާދޭސް މި ކުރީ! ދެން ދޭ!”

“އައިޝާގެ ރައްކަލަށް ޓަކައި ހިނގައިދާނަން! އެކަމަކު ބުނެބަލަ! ކީއްވެ މިއަދު ކްލާހަށް ނުދިޔައީ؟”

ވާސިފުގެ އެ ސުވާލާއެކު އަނެއްކާ ވެސް އައިޝާއަށް ރޮވިއްޖެއެވެ.

“އަހަރެން ކޯހުން ވަކިވާން ސިޓީ ލައިފިން.” އައިޝާގެ އަޑު ނިކުތީ ގިސްލުމާ އެކުވެގެންނެވެ.

“ކޯހުން ވަކިވާން ސިޓީ ލީޔޭ؟ ތީ އައިޝާގެ އަމިއްލަ ނިންމުނެއް ނޫން! މަށަށް ހަމަ…”

ވާސިފުގެ ޖުމުލަ މެދުކެނޑުނީ، މަޖީދު އައިސް ވަންތަން ފެނިފައެވެ. ވާސިފު ފެނުމާއެކު މަޖީދުގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެއާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔަތަން ފެނުނެވެ. އޭނާގެ ރުޅިވެރި ތޫނު ނަޒަރު އަމާޒުވީ އިސްދަށަށް ޖަހައިގެން ރޮވިފައި ހުރި އައިޝާއާ ދިމާއަށެވެ.

“ވަގަކަށް ދިހަ ހާސް ދުވަސް ލިބުނަސް ނުފުދޭނެ!” މަޖީދު ގޮސް އައިޝާގާތަށް ހުއްޓުނެވެ. “އެކަމަކު ވެރިއަކަށް އެއް ދުވަހުން ފުދޭނެ!” މަޖީދުގެ ދެ ދަތްޕިލަ ޖެހި ފިތުނެވެ.

މަޖީދާ ދިމާއަށް ބަލާން ހުރި ވާސިފަށް ފެންނަމުން ދިޔައީ، މަޖީދުގެ ކަނާތް މުށްކަވާލި ތަނެވެ. އެ އަތް އޭރު ތުރުތުރު އަޅައެވެ. ނާރުތައް ހުރީ ފުފިފައެވެ. އޭނާ އެ އުޅެނީ އައިޝާގެ ގައިގައި ވަރުހުރި ބޮނޑިއެއް އަޅާށެެވެ. ހިލޭ ފިރިހެނަކު ކޮޓަރިއަށް ވެއްދުމަކީ، ކިހައި ވަރެއްގެ ކަމެއްކަން ހަނދާންކޮށްދޭށެވެ. މަޖީދު އަތް އުފުލައިލުމާއެކު، ވާސިފު ފުންމައިގެން ގޮސް، އެ ދެމެދަށްވަދެ މަޖީދުގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.

“ޚަބަރުދާރު! ތި ނިޔަތުގައި އިނގިލިކުރި ޖައްސާލިޔަސް…”

“އަހަރެމެން ދެމަފިރިންގެ ދެމެދަށް ވަންނަން ކަލޭ ތީ ކާކު؟” ވާސިފުގެ އަތުން އަތް ދަމައިގަންނަމުން، މަޖީދު ހަޅޭއްލަވައިގަތެވެ.

“ދެމަފިރިއެއްގެ ދެމެދަށް ވަނީއެއް ނޫން! އަނިޔާވެރި އަތެއްގެ ފިރުމައިލުމަކުން، ކުށެއް ނެތް އަންހެނަކު ސަލާމަތްކުރީ.”

“ވާހ! އާދަ ފަށުވި އިބާރާތެކޭ! ކީއްވެތަ ލޯބިވެރިޔާ ސަލާމަތްކޮށްދިނީއޭ ނުބުނީ؟” މަޖީދުގެ އަޑުގައި ހުރީ މަލާމާތުގެ ރާގެކެވެ.

“ޗީ! ތިމާގެ އަނބިމީހާ އެހެން މީހުންނާ އަޅުވާ ވެސް ކިޔަނީތަ؟ ހާދަ ގޮތެއް ނެތް މީހެކޭ ދޯ!”

“ގޮތެއް ނެތީ އަހަރެންތަ؟ ދެމަފިރިއަކު ނިދާ ކޮޓަރިއަކަށް ވަދެ ތިހިރީ ވަރަށް ގޮތް ހުރީމަ ދޯ!” މަޖީދުގެ އަޑު ކުރިއަށްވުރެ ވެސް ބާރުވިއެވެ. “އައިޝާ ހަނދާންކުރާތި! ވާސިފުދެކެ ކަލޭ ކިތަންމެ ލޯބި ވިޔަސް، މި ގެއަށް އޭނާ ވައްދައިގެން ނުވާނެ!”

“ވަރަށް ރަނގަޅު ވާހަކައެއް ބުނަންތަ؟ އައިޝާ ލޯބިވީ މަދެކެއެއް  ނޫން! ކަލޭ ދެކެ. އެކަމަކު ތީ އެ ލޯބި އެގޮތުގައި ދަމަހައްޓަން ނޭނގުނު މީހެއް. އައިޝާ ކަހަލަ ރަނގަޅު އަންބަކު ލިބުނީމަ ވެސް، ރީތި ދިރިއުޅުމެއް އުޅޭން ނޭނގުނު މީހެއް.”

“ތީ މާ ރީތި އުޅުމެއް އުޅޭ މީހެއްތަ؟”

“އާނ! އަހަންނަށް އައިޝާ ލިބިއްޖެއްޔާ ވަރަށް ރީތި ދިރިއުޅުމެއް އުޅޭނަން! އަހަންނަށް އެނގޭނެ އައިޝާ ގެންގުޅެން. އެއީ އަހަރެން ވަރަށް ވަރަށް ލޯބިވާ ކުއްޖެއް!”

“ވާސިފު!”

ބުނެވުނު ބަހުގެ ބުރަދަން ވާސިފަށް ފަހުމްވީ، އައިޝާގެ ބާރު އަޑު ކަންފަތުގައި ޖެހުމުންނެވެ. އައިޝާއާ ދިމާއަށް ވާސިފަށް ބަލައިލެވުނުއިރު، އައިޝާގެ ރަތްވެފައިވާ ދެ ލޯ ހުރީ ބޮޑުވެފައެވެ.

“ބުޅާ ގޯނިން ބޭރުވީމަ ކޮންމެހެން ހަޅޭއްލަވާނެކަމެއް ނެތް! އަހަންނަށް މިހާރު މި އޮތީ ޔަޤީންވެފަ. ވާސިފު! ކަލޭ ހަމަ މިހާރު މި ގޭން ނިކުމޭ!” ވާސިފާ ދިމާއަށް މަޖީދު ބަލައިލީ ރަންކަނި ބުރަމުންދިޔަ ދެ ލޮލުންނެވެ.

ބުނެވުނު ޖުމުލައެއްގެ ސަބަބުން، ވާސިފު ހުރީ ދުލަށް ހަރަކާތެއް ނުގެނެވިފައެވެ. އޭނާ ބޭނުންވީ، އަނެއްކާ އަނެއް ގޯސް ނުހެދެނީސް އަވަހަށް ކޮޓަރިން ނިކުންނާށެވެ. ވީ އެންމެ އަވަހަކަށް ގެއަށް ދާށެވެ.

ވާސިފު އޮތީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ. އޭނާގެ ސިކުނޑިއަށް ވަނީ ބަރުވެފައެވެ. ކަންބޮޑުވަމުން ދިޔައީ އައިޝާ އުޅޭ ހާލު ހިތަށް އަރާފައެވެ. ބުނެވުނު ޖުމުލައިގެ ސަބަބުން އައިޝާއަށް ލިބިދާނެ އަނިޔާއާމެދު ވިސްނައި ލެވުމުންނެވެ.

މި ކަހަލަ ފިކުރެއްގައި ވާސިފު އޮއްވާ މަޖީދުގެ ފޯނުކޯލެއް އަތުވެއްޖެއެވެ. ދެ ފިކުރެއްގައި އޮވެފައި ވާސިފު ފޯނު ނެގިއެވެ.

“ލޯބިވެރިޔާ މި ހިރީ މިނިވަން ކޮށްފަ. އިރުއޮއްސުމުގެ ކުރިން ނުގެންދިޔައްޔާ މި ގޭން ބޭރުކުރާނަން!”

ވާސިފަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ، މަޖީދު ފޯނު ކަނޑާލައިފިއެވެ. ވާސިފުގެ ހިތަށް ތަދުވިއެވެ. އައިޝާ ވަރިކުރީމައެއް ނޫނެވެ. އައިޝާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައީމައެވެ. ވާސިފަށް އިނދެވުނީ ބަސްހުއްޓި ހަރަކާތް ހުއްޓިފައެވެ. އެއީ ހާދަ އުފާވެރިކޮށް އުޅުނު، ހާދަ ރަނގަޅު ކުއްޖެކެވެ. މިއަދު އޭނާއަށް ޖެހިފައި އެ ވަނީ ކޮން ފަދަ ނިކަމެތި ހާލަތެއް ހެއްޔެވެ؟ ވާސިފުގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ.

މިއަދު އައިޝާއަށް އެހީތެރިކަމުގެ އަތެއްް ފޯރުކޮށްދޭނޭ މީހަކު މި ފަސްގަނޑަކު ނެތެވެ. އައިޝާ މާލޭގައި ބިކަހިނގަން އެންމެ މިނެޓަކު ވެސް ހޭދަކުރުމަކީ، އޭނާ ހަަމަހޭގައި ހުރެ ފުރުސަދުދޭނެ ކަމެއް ނޫނެވެ. އެހެންކަމުން ވާސިފު ނިންމީ، އައިޝާ ބަލައި އެ ގޭދޮަށަށް ދާށެވެ. އެހެންނަމަވެސް އެ ވަގުތު އޭނާގެ ސިކުނޑި އެހެން ކަމަކަށް ސަމާލުކުރުވިއެވެ. އޭނާ ވަގުތުން ފޯނު ނެގިއެވެ.

އަސުރުން އިރުތިރިވެއްޖެއެވެ. ރަތްވިލާގެ ކުލަތަކުން އުޑުމަތި ފެވެމުން ކުލަޖެހެމުން ދެއެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތު ހަލުއި ދުވެލީގައި ދިޔަ ވާސިފުގެ ހިތް ވަނީ ނުތަނަވަސްކަމުގެ އޮއިވަރެއްގައި ޖެހިފައެވެ. އޭނާ ގޮސް، މަޖީދުމެންގޭ ދޮށަށް މަޑުކޮށްލުމަށްފަހު، މަޖީދުގެ ނަންބަރަށް ގުޅިއެވެ.

“ދުލްހަން ބަލައި އައީތަ؟ އަވަހަށް އައިސް ގެންދޭ!” މަޖީދުގެ އަޑުގައި ހުރީ އެއްވަނަ ދަރަޖައިގެ މަލާމާތެވެ.

ވާސިފަށް ދަތްކުނޑި ވިކައިގަނެވުނެވެ. ރުޅި އައިވަރުން ކޮޅުދޮށިން ދޭން ބޭނުންވިއެވެ. އެހެންނަމަވެސް ކެތްތެރިވެލިއެވެ.

ސައިކަލު ޕާކުކޮށްފައި ވާސިފު އެ ގެއަށް ވަނެވެ. ފުރަތަމަވެސް އޭނާއަށް ފެނުނީ، ކުޅަނދުރަކަށްވެފައި ހުރި މަޖީދުގެ މޫނެވެ. އެ ވަގުތު މަޖީދު ހޫރާލި ހޫނު އަތުގެ ހަމަލާ، ވާސިފުގެ އަނގަ މައްޗަށް އަރައިިފިއެވެ. އަނގައިން ލޭ ފައިބައިގަތް ވަގުތު، ދޮރޯށި ހުޅުވިއްޖެއެވެ. ވަންތަން ފެނުނީ ދެ ފުލުހުންނެވެ. މަޖީދަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެ ލޯ ބޮޑުވިއެވެ. އޭނާއަށް ފަހަތަށް ޖެހެވުނެވެ. ފުލުހުން ގޮސް އޭނާގެ ގައިގައި ހިފެހެއްޓިއެވެ.

އައިޝާ ގޮވައިގެން ވާސިފު ގޮސް ގެއަށް ވަންއިރު އިރު އޮއްސިއްޖެއެވެ. ވާސިފުގެ މަންމައަށް މި މަންޒަރު ފެނުމުން އެއް ހާސް ސުވާލު އޭނާއާ ކުރިމަތިކުރިއެެވެ. މަންމަގެ ހުރިހައި ސުވާލަކަށް ވަކިވަކިން ވާސިފު ޖަވާބު ދިނެވެ.

ރަށުގައި ތިން މަސްދުވަސް ހޭދަކުރުމަށްފަހު، މިއަދަކީ އައިޝާ އޭނާގެ އާއިލާއާއެކު މާލެއަށް އައި ދުވަހެވެ. މި ދިޔަ ތިން މަސްދުވަހުގެ ތެރޭގައި އައިޝާގެ ހިތް ވާސިފަށް ވަނީ ފެނިފައެވެ. އެ ހިތުގައި އެންމެ ކުދި އަކުރުން ފެށިގެން ބޮޑެތި އަކުރަށް ދާނދެން ލިޔެފައި ވަނީ ވާސިފުގެ ނަމެވެ. އެ ނޫން ނަމެއް އެ ހިތުގައި ދުވަހަކު ވެސް ލިޔެވިފައެއް ނެތެވެ. ހިތާމައަކީ ކުރީން ވާސިފަށް އެ އަކުރުތައް ކިޔާން ނޭނގުނުކަމެވެ.

ވިއްސާރަ ދުއްޕާން ރެއަކަށްފަހު އާ ދުވަހަކާ ދުނިޔެ ކުރިމަތިލިއިރު، ދުންފިނީގެ ތެރެއިން ގަސްގަހާގެހި ހިނިތުންވަނީއެވެ. މާމެލާމެލި ފަރިވެ ފޮޅެނީއެވެ. ދޫނިސޫފާސޫފީގެ ރީތި ރާގުތަކުން ޖައްވުގައި މިޔުޒިކު އުފައްދަނީއެވެ. ބިރުވެރި ތޫފާނީ ރެއަކަށްފަހު އަމާން އުފާވެރި ފަތިހަކަށް އަލިވިލެނީއެވެ. ފަތިހުގެ ދުންފިނީގެ ތެރޭގައި ވާސިފާއި އައިޝާ ހިނިތުންވަނީއެވެ.

Be the first to comment

ޚިޔާލު