“ނަބީލް” ލިބުނު ސިހުމާއެކު، އަޑަށް ބާރުލައިފައި ސީމާއަށް ގޮވައިލެވުނެވެ.
މައްޗަށް ބަލަހައްޓައިގެން ހުރި ނަބީލަށް، ސީމާގެ އަޑު އިވުމާއެކު، އެނބުރި ބަލައިލިއެވެ.
“ކީއްކުރަން ޓެރަހަށް ތި އެރީ؟ އަވަހަށް ހިނގާ ތިރިއަށް!” ސީމާގެ އަޑުގައި ހުރީ ގާތްކަމެވެ. ލޯތްބެވެ. އޭނާއަށް ހުރެވުނީ، ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާން ނުކެރިފައެވެ. ކުރީ ދުވަހު ކަންވީ ގޮތް ހިތަށް އަރާފައެވެ.
“ނުދާނަން!” ނަބީލު ވަގުތުން ޖަވާބުދިނެވެ. ހަރުކަށި ރާގަކަށެވެ. “އަހަރެން މި އުޅެނީ އޮލިމްޕަހަށް ދާން”
“ތިހެން ބަސްނާހާ އުޅޭކަށް ނުވާނެ! އަވަހަށް އާދޭ!” ސީމާގެ އަޑުގައި މަޑުމައިތިރިކަން ހުރި ނަމަވެސް، މޫނުމަތީން ފެންނާން ހުރީ ކަންބޮޑުވުމެވެ. ގޭގައި މި ވަގުތު އެކަކު ވެސް ނެތެވެ. މަންމައާއި ބައްޕަ ވީ ޑޮކްޓަރަށް ދައްކާން ގޮހެވެ. “ހިނގާ ކޮޓަރިއަށް. ވަރަށް މީރު ބިސްގަނޑެއް ވެސް އަޅާފަ ހުންނާނީ.” ކުޑަކުއްޖަކު ލޮއްސާން ސީމާ އުޅޭ ކަހަލައެވެ.
“ބުނެފީމެއްނު ނުދާނަމޭ! އަހަރެން ދާނީ އޮލިމްޕަހަށް. އޭނަ އެހެރީ، އޮލިމްޕަހަށް ދާން އަހަރެން ބަލާ އައިސް.” މައްޗަށް ބަލައިލައިފައި ނަބީލު ހިނިތުންވެލީ، މަޑުމަޑުން ބޯ ޖަހައިލަމުންނެވެ.
ސީމާ ހުރީ ހަދާނޭގޮތް ނޭނގިފައެވެ. ފޯނު ވެސް ވީ ބަދިގޭގައެވެ. މީހަކަށް ގުޅާނީ ވެސް ކިހިނެއް ހެއްޔެވެ؟ ނަބީލު މި ތަނަށް ދޫކޮށްލާފައި، ދާކަށް ނުކެރޭނެއެވެ. އޭނާއަށް ހުރެވުނީ، ކޮޓަރި ތަޅުނުލައި ބަދިގެއަށް ދެވުނު މޮޔަ ހީވެފައެވެ. އެހައި އަވަހަށް ނަބީލު ހޭލައިފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
“ނަބީލު! ހެޔޮނުވާނެ! ދެން ހިނގާ ބަސްއަހައިގެން ކޮޓަރިއަށް ދާން!” ސީމާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
“މަށާ ކައިރި ނުވާތި! މި ކޮޅަށް ނާންނާތި!” ނަބީލު ހަޅޭއްލަވައިގަތެވެ. ލިބުނު ސިހުމާއެކު ސީމާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. “ތީ ދޮގުހަދާ މީހެއް. ތީ ވަރަށް ނުލަފާ މީހެއް.” ނަބީލު ދަތްކުނޑިވިކައިގަތެވެ.
ސީމާގެ ދެ ލޯ ފެންކަޅިވިއެވެ. ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުންނެވެ. ނަބީލަކީ އޭނާގެ ފިރިމީހާއެވެ. ދެ ލޯ ނޭދި އެދުނު، އެދޭ ފިރިމީހާއެވެ. ނަބީލު ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވިއެވެ. އެހެންނަމަވެސް މި އަދުގެ ހާލަތު ހިތަށް އަރާ ކޮންމެ ފަހަރަކު، ސީމާގެ ހިތް ވަރަށް ބޮޑަށް މާޔޫސްކޮށްލައެވެ.
ސީމާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަބީލު ގޮވައިގެން، މި ހާލެއްގައި އޭނާ ގަނަތެޅޭތާ ދިހަ އަހަރު ވަނީއެވެ. ފަންޑިތަ ހެދިއްޖެއެވެ. ބޭސްފަރުވާ ކުރެވިއްޖެއެވެ. ރާއްޖެއާއި ރާއްޖޭން ބޭރުންނެވެ. ބަދަލެއް ނައެވެ. ޒުވާން އުމުރު ފަސްދީ ދަނީއެވެ. ދަރިއަކު ނެތެވެ. ދިރިއުޅުމެއް ވެސް ނެތެވެ. ނަބީލުގެ މައިންބަފައިންގެ ކިބަޔަކުން ވެސް މާ ބޮޑު އަޅައިލުމެއް ނުލިބެއެވެ.
ސީމާ ހުރީ ފެންކަޅިވެފައިވާ ދެ ލޮލުން، ނަބީލުގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ މައްޗަށް ބަލަން ހުރެ، ވާހަކަތަކެއް އެބަ ދައްކައެވެ. ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ބައެއް ފަހަރު ނިތް އެއްލައެވެ. ބައެއް ފަހަރު ހީނލައެވެ. ބައެއް ފަހަރު އަތުން ހަރަކާތްކުރެއެވެ.
އިރުކޮޅަކުން ފެނުނީ، ނަބީލު ކުރިއަށް ހިނގައިގަތް ތަނެވެ. ސީމާގެ މޭ ތެޅިގަތެވެ. އޭނާ އެ އުޅެނީ ކީއްކުރަން ބާވައެވެ؟ ސީމާއަށް އެސްފިޔަ ޖަހައިނުލައި ބަލާން ހުރެވުނެވެ. ނަބީލު އެ ދިޔަ ގޮތަށް ގޮސް، ޗެންޗޭނުމަތީގައި އަތް ބާއްވާލިއެވެ. ތިރިއަށް ބަލައިލުމަށްފަހު، މައްޗަށް ބަލައިލިއެވެ. ދެން ފެނުނީ އެއް ފައި ނަގައި، ޓެރަސްގެ ވަށާފާރު މަތީގައި ބަހައްޓައިލިތަނެވެ. އޭނާ އެ އުޅެނީ އެ ތަނުން ފުންމައިލާށެވެ. ހަތް ބުރި މަތިންނެވެ.
މި ބިރުވެރި މަންޒަރު ފެނުމާއެކު، ސީމާއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. އަޑުގައި ނެތްތަކަށް ނަބީލުގެ ނަމުން ގޮވައިލަމުން، ނަބީލާ ދިމާއަށް ދުއްވައިގަނެވުނެވެ. އެ ވަގުތު ވީ، ސީމާގެ ބައްޕަ ޒާހިރަށް ވެސް ޓެރަހަށް އެރުނު ވަގުތަށެވެ. ޒާހިރަށް ފެނުނީ، ޓެރަސްގެ ވަށާފާރުމައްޗަށް އަރަން ނަބީލު މަސައްކަތްކުރާތަނެވެ. މި މަންޒަރު ފެނުމާއެކު، ޒާހިރަށް ވެސް އެ ދިމާއަށް ދުއްވައިގަނެވުނެވެ. ވިދާލި ވިދުވަރެއް ފަދައިން ގޮސް، ނަބީލުގެ މެދުހަށީގައި ބާރަށް ބެއްދިއެވެ. ނަބީލު ހަޅޭއްލަވައިގަންނަމުން ތެޅިގަތެވެ. ޒާހިރުގެ ބުރަކަށިމަތީގައި ގުއްޓެއް އެޅިއެވެ. ކިތަންމެ ކަމީނާ ހަށިގަނޑެއްކަމަށް ވިޔަސް، އެ ހަށިގަނޑުގައި ފިސާރި ބާރުހުރެއެވެ.
ވީ ތަދަކަށް ޒާހިރު ނުބަލައެވެ. ނަބީލު ސަލާމަތް ކުރެވޭތޯ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ، ޓެރަސް މައްޗަށް އިދިފުށަށް ނަބީލު ވެއްޓި ޖެހުމެވެ. ނަބީލުގެ ބޯ ތަޅުންގަނޑުގައި ޖެހުނު އަޑު އިވުނު ވަގުތު، ސީމާގެ ހިތަށް މީހަކު ފިތާލި ކަހަލައެވެ. އަވަސް އަވަހަށް ނަބީލުގެ ގާތުގައި އިށީނދެ، ނަބީލުގެ ބޯ ނަގައި އޭނާގެ އުނގުމަތީގައި ބޭއްވިއެވެ.
“ސޮރީ ބައްޕާ!” އިސް އުފުލައިލުމަށްފަހު، ކަރުނަ ފައިބަފައިބާ ހުރި ދެ ލޮލުން، ބައްޕަގެ މޫނަށް ސީމާ ބަލައިލިއެވެ. ބުނާ ކަހަލައެވެ. އަހަރެންގެ ސަބަބުން ބައްޕަމެންނަށް ހާދަ އުނދަގުލެއް އެބަ ވެއެވެ. ހާދަ އަނިޔާއެއް އެބަ ލިބެއެވެ.
ޒާހިރު ހުރީ ވަރުބަލިވެ، ނޭވާ ކުރުވެފައެވެ. ބުރަކަށްޓަށް ވެސް ވަރަށް ތަދުވެއެވެ. އެހެންނަމަވެސް އެ ކަން އޭނާ ކަމަކަށް ނުހަދައެވެ. ދަރިފުޅަށް ލިބެމުން އަންނަ ފުން ހިތާމައިގައި، ޒާހިރުގެ ދެމަފިރިން އަބަދުވެސް ބައިވެރިވެއެވެ.
ވެއްޓި ޖެހުނު ގޮތަށް ހަރަކާތެއް ނެތިފައި ނަބީލު އޮތެވެ. ދެ ލޯ ވަނީ މެރިފައެވެ. ނަބީލުގެ ހަށިގަނޑަށް އައިސްފައިވާ ހިމޭންކަން ފެނިފައި، ސީމާގެ ހިތަށް ބިރުވެރިކަން ވަނެވެ. ދެ ލޮލާއި މޫނުމައްޗަށް ވެރިވެފައިވާ ހިތާމައިގެ މައްޗަށް، ސިހުން ވެރިވެގަތެވެ.
“ބައްޕާ! ނަބީލަށް ކިހިނެއްވެފަ މި އޮތީ؟” ސީމާގެ އަޑުގައި ހުރީ ކަންބޮޑުވުމުގެ ރާގެވެ.
“ހިނގާ އަވަހަށް ކޮޓަރިއަށް ގެންދަމާ!” ސީމާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި، ޒާހިރު ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ހިކި އަނަރޫފަވެފައިވާ ނަބީލުގެ ހަށިގަނޑު، ނުހަނު ފަސޭހަކަމާއެކު ދެ އަތްދަނޑި މައްޗަށް ނަގައިގަނެގެން ޒާހިރު ހިނގައިގަތެވެ. ތިރިއަށް ފައިބާން ހުރި ސިޑިއާ ދިމާއަށެވެ.
ނަބީލު އޮތީ އެނދުމަތީގައި ބާއްވާފައެވެ. އޭނާގެ މަގަތުގައި ސީމާ އިނެވެ. ބޮލަށް ފެން އަޅައި ތެންމާލައިގެން ފިރުމައިލަ ފިރުމައިލައެވެ. އިރުކޮޅަކު އެހެން އިނދެފައި، އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. އޭނާގެ ދެ ލޮލުގައި ވަނީ މާޔޫސްކަމެވެ. ވަރުބަލިކަމެވެ. އެ ދެ ލޯ ނަބީލާ ދިމާއަށް ހުއްޓިފައި ހުރި ނަމަވެސް، ސިކުނޑި މިސްރާބުޖަހާފައި ވަނީ، މީގެ ދިހަވަރަކަށް އަހަރު ފަހަތަށެވެ. އޭނާގެ ސިކުނޑިއަށް ތަސްވީރުވަމުން އަންނަނީ އުފާވެރި ހަނދާން ތަކެއްގެ ކުލަ މަންޒަރުތަކެކެވެ.
============================
ފާޚާނާގެ ދޮރު ހުޅުވާލައިފައި ނިކުތީ، އުމުރުން އެންމެ ނަވާރަ އަހަރުގެ ޒުވާން ސީމާއެވެ. ފެންވަރައިގެން ނިކުތްއިރު، އޭނާގެ އިސްތަށިގަނޑުން ފެންތިކި ޖަހައެވެ. ހުދުކުލައިގެ ރޯބެއްގައި ހުރި އިރު، އޭނާގެ ސާފު ދޮން މޫނުމަތީން ފެންނަނީ ޒުވާންކަމާއި ތާޒާކަމެވެ. ހުދު ކުލައިގެ ތުވާއްޔަކުން ބޯ ހިއްކަމުން ގޮސް، ހުދުކުލައިގެ ޑްރެސިން ޓޭބަލްގެ ލޯގަނޑު ކުރިމައްޗަށް އޭނާ ހުއްޓުނެވެ. އިރުކޮޅަކުން އެ ތަނުގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. ކޯލެއް މިސްވެފައި އޮތެވެ. ގުޅާފައި އޮތީ ނަބީލެވެ. ސީމާ އަވަސް އަވަހަށް ނަބީލުގެ ނަންބަރަށް ގުޅައިލިއެވެ.
“ފެން ވަރާލައިގެން މި ނިކުތީ.” ނަބީލު ފޯނު ނެގުމުން، ފޯނު ނުނެގުނު ސަބަބުން ސީމާ ބުނެދިނެވެ.
“އެހެންތަ؟ މިސްވެގެން ހަމަ ގުޅައިލީ.” ނަބީލު އިނީ އޮފީހުގައެވެ.
“މަ ވެސް.” ސީމާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. “ކިހާއިރަކު އަންނާނީ؟”
“ކިހާއިރަކު ދާންވީ؟” ނަބީލުގެ އަޑުގައި ހުރީ ލޯތްބާއި ސަމާސާއެވެ.
“މިހާރު. ހަމަ މި ވަގުތު.” ސީމާ ވެސް ސަމާސާގައި ބައިވެރިވެލިއެވެ.
“މިހިރީ ފަހަތުގައި. ނިކަން ބަލައިލަބަލަ!”
ސީމާއަށް އަވަސްއަވަހަށް ބަލައިލެވުނެވެ. މި ކުރެވުނީ ހާދަހައި ސޭކު ކަމެކޭ ހިތަށް އެރީ ނަބީލު ފަހަތުގައި ނެތުމުންނެވެ.
“ދެން… އަޅެ، މަށަށް ބަލައި ވެސް ލެވިއްޖޭ!” ސީމާ ހޭންފެށިއެވެ. ނަބީލުގެ ގާތަށް ވެސް ހިނިއައެވެ.
“މި ބަލައިލީ ހޭޖެހިއްޖެތޯ. އަދި ހަމަ ކުޑަކުއްޖެއް!” ނަބީލު ދިމާކޮށްލިއެވެ.
“އޯކޭ! އެކަމުވެސް އަވަހަށް އަންނާތި އިނގޭ! ވަރަށް މީރު އެއްޗެއް ކައްކާފަ މި އައީ. ނަބީއަށް ވަރަށް މީރު އެއްޗެއް!” ކޮޓަރީ ފާރުގައި ހަރުކޮށްފައި ކުރި، ސާމަރާދޫންޏެއްގެ ފިނދުފަތްގަނޑުން ވަށާލެވިފައިވާ، ވަށް މޫނުލީ ބޮޑު ގަޑިއަށް ސީމާ ބަލައިލިއެވެ. އޭރު ގަޑިން ބާރަގަޑި ބައިވަނީއެވެ.
“އަނެއްކާ ކޯޗެއް ކެއްކީ؟”
“ސަޕްރައިޒް!” ސީމާ ހީނލިއެވެ.
“އޯކޭ! ސަޕްރައިޒަކަށް ސަޕްރައިޒެއް އޮންނާނެ!”
“އަސްލު ވެސް؟” ސީމާގެ މޫނުމަތީން އުފާވެރިކަން ފެނުނެވެ. ނަބީލްގެ ކޮންމެ ސަޕްރައިޒަކީ ސީމާގެ ހިތަށް އުފާވެރިކަން ގެނުވައިދޭ ކަމެކެވެ.
“ހޫނ! އިންތިޒާރުކުރޭ! އިރާދަކުރެއްވިއްޔާ 1:15 ހިނގާއިރު ހުންނާނީ ސީމާގެ ފުރަގަހުގަ ބައްދާލައިގެން.”
“ހޫނ! ދެން!” ނަބީލުގެ އެ ޖުމުލައިން، ސީމާގެ ދޮން މޫނުގައި ލަދުވެތިކަމުގެ ރަތްކުލަ ހިފިއެވެ.
އިރުކޮޅަކު ނަބީލާ ވާހަކަ ދައްކައިލާން ހުރެފައި، ސީމާ ފޯނު ބޭއްވިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ވިދަވިދާ ހުރީ އުފާވެރި ހިނިތުންވުމެއްގެ ފޮނި އަސަރެވެ.
ސީމާ އަވަސްވެގަތީ، ނަބީލު އަންނާންވާއިރަށް ރީތިވެލާށެވެ. އެއީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް އާދައެކެވެ. ނަބީލު އޮފީސް ނިންމާފައި ގެއަށް އަންނަ ވަގުތު، އޭނާ ނަބީލަށް މަރުހަބާ ކިޔާނީ، ރީތި މޫނަކާ އެކުގައެވެ. އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. ނަބީލުގެ ހިތް ފުރިގެންދާ ފަދަ އަރާމު ވަހަކާއެކުގައެވެ.
ނަބީލާއި ސީމާގެ ކައިވެންޏަށް މި ވީ، އެންމެ އަށެއްކަ މަހެވެ. އޭލެވެލް ނިންމިގޮތަށް ސީމާ، ނަބީލާ ކައިވެނިކުރީއެވެ. ވަކީން އުޅެން ދަތިވާތީއެވެ. ކައިވެންޏަށްފަހު، އެ ދެމަފިރީން ވަނީ ވަރަށް އުފާވެރި މުސްތަޤުބަލެއް ތަދުބީރުކޮށްފައެވެ. އަންނަ އަހަރު، އޮސްޓްރޭލިޔާއަށް ފުރަން ވަނީ ނިންމާފައެވެ. ދެމަފިރީންގެ މަތީ ތަޢުލީމަށެވެ. ސީމާ ވަޒީފާއަކަށް ނުވަދެ މަޑުކުރީ އެހެންވެއެވެ.
އެކެއް ޖެހިތަނާ ނަބީލު މިސްކިތުން ފޭބިއެވެ. މެންދުރުގެ ދިލަ ހޫނު، އޭގެ ފުރިހަމަ އުދާހާއެކު މަގުތައް އަންދަމުން ގެންދެއެވެ. މަގަށް ނިކުމެ ސައިކަލާ ދިމާއަށް ނަބީލު ހިނގައިގަތީ، އަވިއައިނު ލޮލަށް ހެޔޮވަރު ކޮށްލަމުންނެވެ. އޭރު އޭނާގެ ސިކުނޑީގެ ހުރިހައި ޖާގައެއްގައި ރަނިކަން ކުރަމުން ދަނީ ލޯބިވާ އަނބިމީހާގެ ރީތި ސޫރައެވެ. ސައިކަލަށް އަރައި ނައްޓާލިއިރު، އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ބޭނުންވަނީ ގެއާދިމާއަށް އުދުހިގަންނާށެވެ.
ސީމާ ހުރީ ކޮޓަރީގައެވެ. ނަބީލުގެ އިންތިޒާރުގައެވެ. މިހާރު ނަބީލު އަންނާނެއެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު އޭނާ ހަމަ ގަސްތުގައި ކޮޓަރިން ނުނިކުތީއެވެ. އޭނާ ބޭނުންވީ ނަބީލު ކޮޓަރިއަށް ވައްދާށެވެ. އޭނާ ބުނި ގަޑީގައި، އޭނާ ބުނިގޮތަށް ކަންތައް ކުރަން ފުރުސަތު ދޭށެވެ. އެހެންކަމުން އެއް ގަޑި ފަނަރަ ހިނގާން ކައިރިވުމުން، ސީމާ ގޮސް ޑްރެސިންޓޭބަލް ކައިރީގައި ހުއްޓުނެވެ. ވަންނަ ދޮރަށް ފުރަގަސްވާ ގޮތަށެވެ.
މާ ގިނައިރު އެހެން ހުންނާކަށް ސީމާއަކަށް ނުޖެހުނެވެ. ކޮޓަރީ ދޮރު ހުޅުވާލައިފައި މީހަކު ވަދެއްޖެއެވެ. ހަމަ ޔަޤީނެވެ. އެއީ ނަބީލެވެ. އޭނާ އެ އައި ގޮތަށް އައިސް، ސީމާގެ ފުރަގަހުން ބައްދާލިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމެއްގެ ބޮޑުކަމުން، ސީމާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު ސީމާގެ ގައިން ދޮވަމުން ދިޔަ “އިޓާނިޓީ” ގެ މީރުވަހުން ނަބީލުގެ ހިތް ފުރެމުން ދެއެވެ.
“ވަރަށް ލޯބިވޭ!” ކަންފަތަށް ވަން ނަބީލުގެ ވައިއަޑު، ސީމާގެ މުޅި ހަށިގަނޑުން ހީބިހިނެގުވިއެވެ.
“މީ ޓޫ” ސީމާއަށް ލޯ މަރައިލެވުނެވެ.
“މިއަދު އަދި ވަކިން ރީތިހެން ހީވަނީ” ނަބީލުގެ ކުރިމައްޗަށް ސީމާ އަނބުރައިލުމަށްފަހު، މޫނަށް ބަލައިލަމުން ނަބީލު ބުންޏެވެ. ސީމާ ލަދުން ބޮނޑިވެގަތެވެ. އިރުކޮޅަކަށްފަހު އޭނާ ލޯ ހުޅުވައިލިއެވެ. ނަބީލުގެ މޫނަށް ބަލައިލިއެވެ.
“ތޭންކްޔޫ!”
ކޮން ކަމަކަށް؟”
ބުނި ގަޑިއަށް އައިމަ. ދެން ކޮބައި ސަޕްރައިޒް؟” ސީމާ ބޭނުންވަނީ ނަބީލްގެ ސަޕްރައިޒް އެނގޭށެވެ.
“ފުރަތަމަ ސީމާގެ ސަޕްރައިޒް! ހިނގާ އަވަހަށް ކާންދާން!” ސީމާގެ އަތުގައި ހިފައިގެން، ނަބީލް ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. “ބައްޕަ ކޮބާ؟”
“މިހާރު އަންނާނެ. ކޮބާ ނަބީގެ ބައްޕަ؟ ބުނީމެއްނު މިއަދު މެންދުރު ކާން އަންނަ ވާހަކަ.”
“އާނ! ދޯ!” ޖީބުގައި އޮތް ފޯނު ނަގައި، ބައްޕައަށް ނަބީލު ގުޅައިލިއެވެ.
“ސަރޕްރައިޒް!” ކާމޭޒުމަތީގައި ހުރި ބޮޑު ބޯތަށްޓެއްގެ މަތި ނަގަމުން ހިނިތުންވެ ހުރެ، ނަބީލުގެ މޫނަށް ސީމާ ބަލައިލިއެވެ. އެ ތަށީގައި ހުރި ހަނާކުރި ބޯވަ ފެނިފައި، ނަބީލު އުފަލުން ފޮޅުނުތަން އޭނާއަށް ފެނުނެވެ. ނަބީލަށް އަނގަ ކައިލެވުނެވެ.
“މަގޭ ހިތަށް ވެސް އެރި ބޯވަ ހެދީއޭ. ހާދަ ރަނގަޅޭ!” ސީމާ ގެނެސް ގަޔާ ކައިރިކޮށްލަމުން، ސީމާގެ ނިތްކުރިއަށް ނަބީލް ދޮނެއް ދިނެވެ.
“ދެން ކޮބާ ނަބީގެ ސަޕްރައިޒް؟” ސީމާ ހުރީ ނަބީލުގެ އުނަގަނޑާ ދިމާއިން ބައްދާލައިގެންނެވެ.
“ލޯ މަރާ!”
ސީމާ ލޯމެރުމުން ޖީބުގައި އޮތް ވޮލެޓް ނަގައި، އެއިން ދެ ޓިކެޓް ނެގިއެވެ. އެއީ މި ރޭ ސީމާ ގޮވައިގެން ފިލްމަށް ދާން ނަބީލް ނެގި ދެ ޓިކެޓެވެ. ފިލްމަށް ދިޔުމަކީ، ނަބީލުގެ އާދައެއް ނޫނެވެ. ސީމާގެ ސުންނަތެއް ވެސް ނޫނެވެ. އެހެންނަމަވެސް ދުވަސްތަކަކަށްފަހު، އޮލިމްޕަހުގައި ދިވެހި ފިލްމެއް އަޅުވާތީއާއި ސިނަމާއެއްގައި ސީމާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާ ހިތުން ޓިކެޓް ނެގީއެވެ.
“ލޯ ހުޅުވާ!”
ސީމާ ލޯ ހުޅުވިއެވެ.
“ސަޕްރައިޒް! މި ރޭ އަހަރެމެން ފިލްމަށް ދާނީޔޯ!” ރާގު އަޅުވާލައިފައި ނަބީލު ކިޔައިލިއެވެ.
ސީމާއަށް ފެނުނީ ނަބީލުގެ އަތުގައި އޮތް ދެ ޓިކެޓެވެ. އެ ދެ ޓިކެޓްގައި ވެސް އޮތީ “ސަޕްރައިޒް” އެވެ. އެއީ މި ރޭ އޮލިމްޕަހުގައި ޕްރިމިއަރ ކުރާ ފިލްމުގެ ނަމެވެ.
“ފިލްމަށް ވެސް ސަޕްރައިޒް؟” ސީމާއަށް އަހައިލެވުނެވެ.
“އާނ! އެހެންވެއޭ ސަޕްރައިޒްއެއް އޮންނާނޭ ބުނީ ވެސް. ދާންވާނެ ދޯ!”
“މަ އަދި ދުވަހަކު ވެސް އޮލިމްޕަހަކަށް ނުދަން!” ސީމާ ހިނިތުންވެލާފައި ބުންޏެވެ.
“މަ ދިޔައިން އެއް ފަހަރު.”
ވާހަކަ މިހައިތަނަށް ދިޔަތަނާ ނަބީލުގެ ބައްޕަ ޖަމާލު އައިސް، ކާގެއަށް ވަނެވެ. ބައްޕަ ފެނުމުން ނަބީލް ކޮޅަށް ތެދުވިއެވެ. ސީމާ ވެސް ތެދުވިއެވެ.
“ބައްޕާ!”
“ދަރިފުޅުމެން ކޮން ވާހަކައެއް މާ އޮލަކޮށްލާފަ ތި ދައްކަނީ؟” ޖަމާލު އައިސް، އެ ތަނުން ގޮނޑިއެއްގައި އިށީންނިއެވެ.
“މި ދައްކަނީ މި ރޭ ފިލްމަށްދާ ވާހަކަ.” ނަބީލާއި ސީމާ ވެސް މޭޒުދޮށުގައި ޖައްސައިލިއެވެ.
“އޮލިމްޕަހަށް؟” އަވަސް އަވަހަށް ޖަމާލަށް އަހައިލެވުނެވެ. ސިހިފައި އަހައިލާ ކަހަލަ ގޮތަކަށެވެ.
“އާނ! ސީމާ ގޮވައިގެން ދިވެހި ފިލްމެއް ބަލައިލަން ކަމަށް.”
“ބައްޕައަކަށް ހިޔެއްނުވޭ ތިޔައީ ރަނގަޅު ކަމެއްހެން.” ޖަމާލުގެ މޫނުމަތީން ފެންނާން ހުރީ ކަންބޮޑުވުމެވެ.
“އެއީ ކީއްވެ؟” ނަބީލަށް ހުރެވުނީ ސުވާލެއްގެ ތެރޭގައެވެ.
“މި އޮތް ހުރިހައި ދުވަހު ފަޅަށްހުރި ތަނެއްނު އެއީ. ބައްޕައަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނޭ ދާކަށް.”
“ބައްޕަ ދައްކާ ވާހަކަ.” ނަބީލްގެ ގާތަށް އައީ ހިންޏެވެ. “ފަޅަށް ހުއްޓޭކިޔާފަ ކީއްތަވާނީ؟ އެ ތަން ފުލްވާނެ މި ރޭ.”
“ފަޅަށް ހުރުމެއް ނޫން މައްސަލައަކީ. ފަޅުވާން ޖެހުނު ސަބަބު މައްސަލައަކީ. އެހެންވެ މި ހެން މި ބުނީ.”
މި ވާހަކައިގައި ނަބީލުގެ ދެ ބަފައިން ތިއްބާ، ޒާހިރުގެ ދެމަފިރިން އައިސް ކާގެއަށް ވަނެވެ. ކޮންމެ ދުވަހަކު ވެސް ފިހާރަ ބަންދުކޮށްފައި ޒާހިރު އަރާނީ މިސްކިތަށެވެ. ގެއަށް އަންނާނީ ނަމާދުން ފައިބައިގެންނެވެ. އެހައި އިރުވާންދެން އަބީރާ އިންނާނީ މުސައްލަ މަތީގައެވެ. ނަމާދުކޮށް ނިމިގެން ޤުރުއާން ކިޔަވާށެވެ.
“އަހަނ. ޖަމާލު ވެސް އައިސް ދޯ މި އިނީ؟ ނުވެސް ދެނަހުރިން!” ޒާހިރު ހިނިތުންވެލިއެވެ.
“ސީމާ މިއަދު މާ މީރު އެއްޗެއް ކައްކައިގެން އުޅޭ ވާހަކަ ބުނީމަ މި އައީ.”
“ޚާއްޞަ ކޯއްޗެއް އަނެއްކާ ކެއްކީ ދަރިފުޅާ؟” ސީމާއާ ދިމާއަށް ބަލައިލަމުން ހިނިތުންވެލައިފައި، ޒާހިރު އައިސް އެ ތަނުން ހުސްގޮނޑިއެއްގައި ޖައްސައިލިއެވެ.
“ބޯވަ ހެދީ. ދޯ ދަރިފުޅާ! ނަބީލަށް މާ މީރު އެއްޗެކޯ ބޯވަމަހަކީ” އަބީރާ އައިސް ތަށިތަކުގެ މަތި ނަގާންފެށިއެވެ.
“އެހެންތަ؟ ތީ ބައްޕައަށް ވެސް ވަރަށް މީރު އެއްޗެއް. އަވަހަށް ކާން ފަށަމާ ހިނގާ!” ޒާހިރު ތަށްޓެއް ނެގިއެވެ.
ރޭގަނޑުގެ އަށްގަޑިބައި އެހައިކަންހައި އިރެވެ. ފެންނަނީ މަޖީދީމަގެވެ. އޮލިމްޕަސް ކައިރިއެވެ. ދުއްވާތަކެއްޗާއި ހިނގާބިނގާވާ މީހުން އިރަށާއި ހުޅަނގަށް ދަތުރުކުރަމުންދެއެވެ. އޭގެތެރެއިން ބައެއް މީހުންގެ މަންޒިލަކަށް ވަނީ އޮލިމްޕަހެވެ. އަންހެނުންނާއި ފިރިހެނުންނެވެ. އެހެންނަމަވެސް ގިނައީ އަންހެނުންނެވެ. ވަރުގެކޮޅަށް ނަލަހެދިލައިގެން އަންނަ އަންހެން ގުރޫޕުތަކެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތީން ވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ރައްޓެހިންނާއެކު ބައިހަދާލައިފައި، ބޭރަށް ނިކުމެލެވުނީތީ ވެވޭ އުފަލެވެ. ޒަމާންތަކަކަށްފަހު، ދިވެހި ފިލްމަކަށް ވަދެލުމުގެ ފުރުސަތު ލިބޭތީ ލިބޭ ހިތްހަމަޖެހުމެވެ.
މި ބައިގަނޑުގެ ތެރޭގައި ލާމެހިގެން އައިސް އޮލިމްޕަހަށް ވަންތަން ފެނުނީ ނަބީލާއި ސީމާއެވެ. އަތުގައި ހިފާލައިގެންނެވެ. ގަޔަށް ރީތިކޮށް ފަހާފައި ހުރި ހުދުކުލައިގެ ދިގު ހެދުމެއްގައި ސީމާ ފެންނައިރު ވަކީން ބޮޑަށް ރީތިކަމަށް ދައްކައެވެ. ނަބީލު ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ޓީޝާޓެއްގައެވެ.
“ހާދަ ބަޔަކު އެބަ ވަދެޔޭ ދޯ!” އޮލިމްޕަހަށް ވަންނަ މީހުންގަނޑުގެ ތެރެއިން ފުރޭނެމުން، ހޯލާދިމާއަށް ނަބީލާއި ސީމާ ދިޔައެވެ.
“މަ ބުނީމެއްނު މި ރޭ ފުލްވާނޭ.” ވޮލެޓުން ޓިކެޓް ނަގަމުން ނަބީލް ބުންޏެވެ.
“އެހައި ގިނަ ދުވަސްކޮށްފަ ފިލްމެއް އެޅުވީމަ ވީ ގޮތް ކަންނޭނގެ. ދޯ!”
ޓިކެޓް ކަނޑާފައި ނަބީލާއި ސީމާ އޮލިމްޕަހުގެ ހޯލަށް ވަދެއްޖެއެވެ. އެއީ ސީމާއަށް އަދި މުޅިން އާ މާހައުލެކެވެ. ނަބީލު ވެސް ވަރަށް ކުރިން ވަން ތަނެކެވެ. އެހެންކަމުން ދެ މީހުންގެ ހަރަކާތުގައި ވެސް ހުރީ އާ ކަމެވެ. ގޮނޑި ދައްކަން ހުންނަ މީހާ ދެއްކި ގޮނޑީގައި، އެ މީހުން ގޮސް ޖައްސާލިއެވެ. އޭރު ވެސް ވަރުނުލައި މީހުން ވަންނަމުން ދެއެވެ.
ނަބީލަށް ގޮނޑީގައި ހަމަޖެހިލެވޭވަރު ނުވެއެވެ. ޖީބުގައި އޮތް ފޯނު ރީންގުވާން ފަށައިފިއެވެ. ނަބީލު ފޯނު ނެގިއެވެ.
“ބައްޕަ އެ ގުޅަނީ.”
“ދެން އަވަހަށް ނަގާ!”
“ފިލްމަށް އައިތޯ ބަލަން އެ ގުޅަނީ. ހަވީރު ވެސް ގުޅާފަ ބުނި ފިލްމަށް ދާނެކަމެއް ނެތޭ.”
“އެހެންތަ؟ ދެން ނަބީލް ކީކޭ ބުނީ؟”
“މަބުނިން މިހާރު ޓިކެޓު ވެސް ނެގިއްޖޭ. ދެން ދާނީއޭ. އެކަމަކު އެހައި ހިތްހަމަޖެހިފައެއް ނޫން ހުރީއެއް.”
“ބައްޕަ އަދިވެސް ދެކެނީ ނަބީލަކީ ކުޑަކުއްޖެއްކަމަށް ކަންނޭނގެ އެއްނު.” ސީމާ ހިނިތުންވެލިއެވެ. އޭރު ބައްޕަގެ ފޯނު ވެސް ކެނޑިއްޖެއެވެ.
ޒާހިރު އިނީ ފިހާރައިގައެވެ. އޭނާއަކީ ޒުވާން އުމުރުގައި ވިޔަފާރި ފަށައިގެން އުޅޭ މީހެކެވެ. ވަރަށް ކުޑަކޮށް ފެށި ކަންމަތީ ވިޔަފާރި، މިހާރު އެ ވަނީ ބޮޑު މާޓަކަށް ބަދަލުވެފައެވެ. އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހައި ބާވަތްތަކެއް، އެ ފިހާރައިން މިއަދު ލިބެން ހުންނާނެއެވެ. ފިހާރައިގެ ކަންކަން އެކަނިހައްޓާ ނުބެލެހެއްޓޭތީ، ބަންގާޅީއަކު ވެސް މިހާރު ގެންގުޅެއެވެ. ނަޖާ ކައިވެނިކުރިފަހުން، ރޭގަނޑުގެ ވަގުތުތަކުގައި ނަބީލް ވެސް ފިހާރައިގައި އިނދެއެވެ.
ޒާހިރު އިނީ ވިޔަފާރިކުރަން އައި މީހަކަށް ފައިސާ ކަނޑާށެވެ. އެ ކަމުގައި އިންދާ، ފޯނު ރިންގުވާން ފެށުމުން، އޭނާ ފޯނަށް ބަލައިލިއެވެ. ގުޅަނީ ޖަމާލެވެ. ވިޔަފާރިކުރަން އައިސް ހުރި މީހާއަށް ބާކީ ދީފައި، ޒާހިރު ފޯނު ނެގިއެވެ.
“ކީކޭ ޖަމާލު.”
“ކޮބާ ނަބީލް؟ ގުޅާގުޅާ ފޯނެއް ނުނަގާ.” ޖަމާލުގެ އަޑުގައި ހުރީ ކަންބޮޑުވުމުގެ ރާގެވެ.
“ދެމަފިރިން ފިލްމަށް ގޮހެއްނުވީ.” ޒާހިރުގެ އަޑުގައި ހުރީ އުފާވެރިކަމެވެ. ނަޖާ އުފަލުގައި ހުންނަތަން ފެނުމަކީ، ޒާހިރަށާއި އަބީރާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.
“މަ ނުދާށޭ ކިޔަކިޔާ ހުއްޓާ، އެންމެ ފަހުން ދިޔައީ ދޯ!” ޖަމާލަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
“ޖަމާލު ބުނިންތަ ނުދާށޭ؟ ޒާހިރަށް އަހައިލެވުނެވެ.
“ކިހައި ވަރަކަށް ބުނާނީ.”
“އެ ކުދިންގެ އެ ކަހަލަ އުފާތަކަށް ހުރަސްއަޅާކަށް ނުވާނެ!”
“ކިހައި ވަގުތެއް އެ ބޭކާރު ވަނީ. ފިހާރައިގައި މަޑުކޮށްލިއްޔާ ޒާހިރަށް ވެސް ފަސޭވާނެއެއްނު.”
“ޖަމާލު ދައްކާ ވާހަކަ. މިއީ އެ ކުދިންގެ ކައިވެނީގެ ކުރީކޮޅޭ! އެ ކަހަލަ އުފާތަކަށް ހުރަސްއަޅާކަށް ނުވާނެ! އެ ކަމާ އަޅައިނުލާ!”
ޖަމާލަށް ޖެހުނީ ވާހަކަ ކުރުކޮށްލާށެވެ! އެ ކުދީން ފިލްމަށް ދިޔުން އޭނާއަށް މައްސަލައަކަށް ވިޔަސް، އެހެން އެއްވެސް މީހަކަށް އެ ކަން މައްސަލައަކަށް ނުވެއެވެ. އެހެންކަމުން ޖަމާލަށް ވެސް ޖެހުނީ ހަތިޔާރު ބައްޓާފައި އަމާން ދިދަ ނަގާށެވެ.
ނަބީލާއި ނަޖާ ތިބީ އޮލިމްޕަހުގައެވެ. އޮލިމްޕަހުގެ ހޯލު މިހާރު ވަނީ ބޮލުން ފުރިފައެވެ. އެކި ކުލަކުލައިގެ ބޯތަކެވެ. ކަޅު ބޮލާއި ހުދު ބޮލެވެ. ރަތް ބޮލާއި ރީނދޫ ބޮލެވެ. ނޫ ބޮލާއި ފެހި ބޮލެވެ. ކުލައެއް ނެތް ދަޅަ ބޯ ތައް ވެސް ފެނެއެވެ. ނަބީލްމެން ތިބީ ފިލްމު ފަށާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. މި އިންތިޒާރު މާ ދިގުލައިގެނެއް ނުދިޔައެވެ. ފުރަތަމަ ރަނގަބީލުގެ އަޑު ހޯލުގައި ގުގުމާލިއެވެ. ދެވަނަ ރަނގަބީލުގެ އަޑާއެކު، ހޯލް އަނދިރިކޮށްލައިފިއެވެ. އިސާހިތަކު ފިލްމު ފެށިއްޖެއެވެ. މާ ދުރުން އެނބުރެމުން އައިސް އިސްކިރީން ފުރާލީ “ސަޕްރައިޒް” މި ނަމެވެ. އެއަށްފަހު، ބައިވެރިންގެ ނަންތަކާއި ޓެކްނިކަލް ފަރާތްތަކުގެ ނަންތައް އަރައި ނިމިއްޖެއެވެ. ނަޖާއާއި ނަބީލު ތިބީ، އަތާއި އަތް ގުޅާލައިގެން، އިސްކިރީނަށް ނަޒަރު ހުއްޓާލައިގެންނެވެ.
ފިލްމުގެ މަންޒަރުތައް ފެށިއްޖެއެވެ. ފުރަތަމަ ފެންނާންފެށީ، ތިން އަންހެން ކުދިން އޮލަ ވާހަކައެއްގައި ތިބެ، އޮލިމްޕަހަށް ވަންނަ މަންޒަރެވެ. ވަރަށް ރީތިކޮށް ނަލަހެދިލައިގެން ތިބި ތިން ކުދިންނެވެ. އެހެން މީހުން ވެސް ވަރުގެ ކޮޅަށް ނަލަހެދިގެން ތިބެ، އޮލިމްޕަހަށް ވަންނަ މަންޒަރު ފެނެއެވެ. އަންހެނުންނާއި ފިރިހެނުންނެވެ.
“މި ފިލްމުގައި ވެސް މި ދައްކަނީ އޮލިމްޕަސް ދޯ؟”
ނަޖާގެ މި ޖުމުލައަށް ނަބީލް އާނއެކޭ ބުނުން ފިޔަވައި، އިތުރު އެއްޗެއް ނުބުނެއެވެ. ފިލްމުގެ މަންޒަރުތަކަށް ބަލާން އިނީއެވެ.
އޮލިމްޕަހަށް ވަންނަން އައި ތިން ކުދިން، ވަންނާން ހުރި ދޮރުކައިރީގައި މަޑުކޮށްލައިގެން ތިއްބެއެވެ.
“ކީއްވެ މި މަޑުކުރަނީ؟” ޝިމާނާއާ ދިމާއަށް ބަލައިލަމުން ފަރީހާ އަހައިލިއެވެ.
“ޓިކެޓެއް ނެތޭ” ޝިމާނާ ބަލައިލީ ފަރީހާގެ މޫނަށެވެ.
“އެހެންވިއްޔާ ހިނގާ ޓިކެޓްނަގަން!” އަވަސްއަވަހަށް އައިޝާ ބުންޏެވެ.
“ހަމަޖެހިބަލަ! ޓިކެޓް ކަނޑަން އެ ހުރި ކުއްޖާއަށް މަ ފެނުނީމަ ވައްދާނެ!” ޝިމާނާ ހުރީ ޓިކެޓް ކަނޑާން ހުރި ސޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ.
ޓިކެޓް ކަނޑާން ހުރީ، ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. އިސްކޮޅުގައި ހުންނާނީ ފަސްވަރަކަށް ފޫޓެވެ. އިސްކޮޅާ އަޅައިބަލާއިރު، ހަށިގަނޑު ކަމީނާކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިކޮޅު ތުނިވެފައި، ގައިގެ ކުލަ ކަޅެވެ. ލައިގެން ހުރީ ނޫކުލައިގެ ބާ ޓީޝާޓަކާއި ކަޅުކުލައިގެ އާދައިގެ ފަޓުލޫނެކެވެ. އަރައިގެން ހުރީ ފެން ފައިވާނަކަށެވެ.
“އެހެންވީރު ކީއްވެ މި ތިބެނީ؟ ހިނގާ އޭނާގެ ގާތުގައި ބުނެފަ ވަންނަން!” އައިޝާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
“އަޅެ އުކުނޑިކޮށްޓަން ފެށީތަ؟ ހަމަޖެހިބަލަ!”
ފަހަރަކު މީހަކު ވަންނަމުން ގޮސް ނުވައެއް ޖެހިއިރު، މައިތިރިވެލައިފިއެވެ. ރަކަރަކައަޅާފައި އޮތް ބައިގަނޑު ތުނިވެލައިފިއެވެ.
“ދެން ހިނގާދާން!”
ޝިމާނާ ކުރިއަށް ހުރެ، ތިން ކުދިން ކުޑަސިޑިން މައްޗަށް އަރައި، ހޯލާ ދިމާއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނާ ދޮރުމަތީގައި ހުރި ސޮރަށް ޝިމާނާ ފެނިއްޖެއެވެ. އެ ވަގުތު އޭނާގެ ހަރަކާތްތަކަށް ހުއްޓުން އަރައިފިއެވެ. ކަޅިޖަހާ ނުލައި ޝިމާނާއާ ދިމާއަށް ބަލާން ފަށައިފިއެވެ. ހީވަނީ ފެންނަ މަންޒަރު ގަބޫލުނުކުރެވިފައި ހުރި ހެންނެވެ. އަމިއްލަ ލޮލަށް އިތުބާރު ނުކުރެވިފައި ހުރި ހެއްނެވެ.
އޭނާއާ ހަތަރު ކަޅި ހަމަކޮށްލަމުން ޝިމާނާ ހިނިތުންވެލިއެވެ. އެ ޖަޒުބާތީ ހިނިތުންވުން ފެނިފައި، އެ ސޮރުގެ ހިތް ކަތިލެވުނު ކަހަލައެވެ. ހަމަހޭވެރިކަން ފިލައިގެން ދިޔަ ކަހަލައެވެ. އޭނާއަށް ހެރުވުނީ ހިނިތުންވެލާން ވެސް ނޭނގި، ހުއްޓުން އަރާފައެވެ.
“ފިލްމަށް ވަންނަން މި އައީ” ވާހަކަ ދެއްކީ ޝިމާނާއެވެ.
“އެހެންތަ؟” އެ ސޮރުގެ ހުއްޓުން އަރާފައި ހުރި ހަށިގަނޑަށް ހަރަކާތް އައެވެ. “އަވަހަށް ވަންނަންވީނު!” އޭނާ ދޮރުމަތީން އެއް ފަރާތަށް ޖެހިލިއެވެ
“ޓިކެޓެއް ނެތް.” ޝިމާނާ ކަރުއެލުވައިލިއެވެ.
“ދެން…؟” ސުވާލުގެ ނަޒަރަކުން ޝިމާނާގެ މޫނަށް އެ ސޮރު ބަލައިލިއެވެ.
“އަހަރެމެންނަށް ޓިކެޓް ނަގައިދޭންވީނު!” ހިނިތުންވެފައި މޫނާއެކު، ޝިމާނާ އެ ސޮރާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ތީ އެއްވެސް ކަމެއް ނޫން. މަޑުކޮށްލާ! ހަމަ އެންމެ މިނެޓެއް” އޭނާ އަވަސް އަވަހަށް ހިނގައިގަތެވެ. ޓިކެޓް ކައުންޓަރާ ދިމާއަށެވެ. މި މަންޒަރު ބަލާން ހުރެފައި، ލާނެތް ފާޑަކަށް ހިނިތުންވެލަމުން، އެކުވެރިންނަށް ޝިމާނާ ނިތް އެއްލިއެވެ. އެހެރީ ރަނގަޅަށް ބޯ ކައިލާފައޭ ބުނި ކަހަލައެވެ.
“އަނެއްކާ ޝިމާނާގެ ކަމެއްތަ އެއީ؟” ފަރީހާއަށް އަހައިލެވުނެވެ.
“އައްޗީ! އެ ކަހަލަ ތަންޑޭލަކު ނުފެނިގެންތަ މި އުޅެނީ!” ޝިމާނާ އަނގަ ހަދައިލިއެވެ.
“އެކަމަކު ތި އުޅޭ ގޮތުން ހީވަނީ……”
ތިން ޓިކެޓް ނަގައިގެން އެ ސޮރު އަތުވެއްޖެއެވެ. ޓިކެޓް ކަނޑާފައި އެ ތިން ކުދިން ގާތު ވަންނަން ބުނީ، އުފަލުން ފުރިފައިވާ ހިތަކާއެކުގައެވެ. އެއާއެކު އައިޝާއާއި ފަރީހާ ވަދެއްޖެއެވެ. ޝިމާނާ ނުވަދެއެވެ.
“އަދި ނަމެއް ވެސް ނުބުނަމެއްނު!”
“އާނ! ނަން ދޯ! ނަޖާހު.” ޝިމާނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ނަޖާހު ހިނިތުންވެލިއެވެ.
ޝިމާނާ، ނަޖާހުގެ ހަންބޯ އަތްތިލައިގައި ހިފައި މަޑުމަޑުން ފިތާލިއެވެ. ނަޖާހުގެ ދެ ލޯ ބޮޑުވިއެވެ. އެތެރެހަށި ފުރިގެން ބަންޑުންވި ކަހަލައެވެ. ގަބޫލު ނުކުރެވިގެން ހުރެ ބަލައިލާ ކަހަލަ ގޮތަކަށް، އަވަސް އަވަހަށް އަތަށް ބަލައިލެވުނެވެ. ހަމަ ޙަޤީޤަތުގައި ވެސް ޝިމާނާ ހުރީ އޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ.
“އިންޓަވަލް ގަޑީގަ އެއްޗެއް ބޭނުންތަ؟” ލިބުނު އުފަލެއްގެ ބޮޑުކަމުން، ހިންދިރުވައިލަމުން، ނަޖާހަށް އަހައިލެވުނެވެ.
“ވަރަށް އުފާވާނެ!” ނަޖާހާ ހަތަރު ކަޅި ހަމަކޮށްލަމުން ޝިމާނާ ހިނިތުންވެލިއެވެ.
“ޝިމާނާ! ދެން އަވަހަށް އައިސްބަލަ! މާ ފޮޅުވާނީ ފަހުންނޭ!” ޝިމާނާއަށް މަޑުކޮށްގެން އެތެރޭގައި ހުރި އައިޝާ، ޝިމާނާއާ ދިމާކޮށްލިއެވެ.
“ދަނީ އިނގޭ!” ނަޖާހުގެ އަތުން ޝިމާނާ ދޫކޮށްލިއެވެ.
ނަޖާހަށް ހުރެވުނީ ބަސްހުއްޓިފައެވެ. ކަޅިޖަހައިނުލައި އޭނާއަށް ބެލެނީ، ހޯލަށް ވަދެގެން ދިޔަ ޝިމާނާއާ ދިމާއަށެވެ.
“ޝިމާނާ” ނަޖާހަށް މަޑުމަޑުން ކިޔައިލެވުނެވެ. ޝިމާނާއެކޭ އެއް ފަދައިން، އެ ނަން ވެސް އޭނާއަށް ވަރަށް ރީއްޗެވެ.
ހޯލުގެ ދޮރު ލެއްޕުމަށްފަހު، ނަޖާހު ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި މުގޯލިއަޅަމުން ދަނީ، މި އާދަޔާޚިލާފު ހާދިސާއެވެ. ގަބޫލުކުރަން ދަތި އިއްތިފާޤެވެ. މި ރެއަކީ ކޮންފަދަ އުފާވެރި ރެއެއް ހެއްޔެވެ؟ އަތުގައި ފައިސާހުރި ނަމަ، ހުރިހައި އެކުވެރީންނަށް ކާންދޭންޖެހޭ ވަރުގެ ރެއެކެވެ. އާއެކެވެ! ވަގުތު ޖެހުނީމާ ކޮންމެ ކަމެއް ވެސް ވާނެއެވެ. އެއީ ހަމަ މުޖައްރިބު ކަމެކެވެ. އެ ކަން މި އޮތީ މި ރޭ ކަށަވަރުވެފައެވެ.
ޝިމާނާއާއި އޭނާގެ ދެ އެކުވެރީން ތިބީ، ސިނަމާ ހޯލުގައެވެ. އެ މީހުންނަށް ޚާއްޞަކޮށްފައިވާ ގޮނޑީގައެވެ. އަދި ފިލްމެއް ނުފެށެއެވެ. އެހެންކަމުން، އެ މީހުންގެ މައުޟޫޢަކަށް އޮތީ ނަޖާހެވެ. ޝިމާނާ ނޫން ކުއްޖަކަށް ނަޖާހެއް ނޭނގެއެވެ. އެ މީހުން ހީކުރީ ނަޖާހަކީ ޝިމާނާގެ ރައްޓެއްސެއްކަމަށެވެ. އެއީ ކުށް ހީއެއްކަން އެނގުނީ ޝިމާނާ ބުނި އެއްޗަކުންނެވެ.
“އަސްލު މަށަކަށް ކުރިއަކުން ނޭނގެ އެއީ ކޮންރަށެއްގެ، ކޮން ނަމެއް ކިޔާ މީހެއްކަމެއް ވެސް. އެކަމަކު ވަރަށް ކުރިއްސުރެ މަށާ އަޅައިގަނެގެން އުޅޭ މީހެއް އެއީ. ފެންނަ ކޮންމެ ތާކުން ވަރަށް ބަލާނެ.”
“ދެން ކިހިނެއް މިތާ އޭނަ އުޅޭކަން އެނގުނީ؟” އައިޝާގެ ހިތުގައި ސުވާލު އުފެދުނެވެ.
“މިދިޔަ މަހު އެއް ރެއަކު، އޮފީސް މީހުންނާއެކު ފިލްމަށް އައިމެއްނު. އެ ރޭ އެނގުނީ.”
“ޓިކެޓެއް ނެތޭ ބުނާއިރަށް އަވަހޭ ދޯ ޓިކެޓް ގަންނަން ދިޔަލެއް.” ފަރީހާ ހޭންފެށިއެވެ.
“އިންޓަވަލް ގަޑީގައި ވެސް ކޮންމެވެސް އެއްޗެއް ލިބޭނެހެން ހީވަނީ. އެ ކަހަލަ އެއްޗެއް ބުނި.” ފަރީހާގެ ހުނުމުގައި ބައިވެރިވަމުން ޝިމާނާ އިތުރުކޮށްލިއެވެ.
“ކޮންމެ ފިލްމަކަށް ވެސް ދެން އަންނަން ވާނެ.” އައިޝާ ވެސް އިނީ ވަރަށް ވެފައެވެ.
“ދޯ، ހިލޭ ޓިކެޓާ އިންޓަވަލާ ލިބެންޏާ ކީއްވެ ނާންނަންވީ؟” ފަރީހާ ތާޢީދުކުރިއެވެ.
ވާހަކަ މިހައި ހިސާބަށް ދިޔަތަނާ، ރަނގަބީލުގެ އަޑުން ސިނަމާ ގުގުމާލައިފިއެވެ. ފިލްމު ފެށޭ ވަގުތު ކުޑަތަން ވަނީއެވެ. ސިނަމާގެ ހޯލު އަނދިރިކޮށްލައިފިއެވެ. ޖަހަމުން ދިޔަ ލަވައިގެ އަޑު ކެނޑި، ސިނަމާތެރެ ހިމޭންވެއްޖެއެވެ.
ނަޖާހު އިނީ ޓިކެޓް ވިއްކާ ކައުންޓަރު ދޮށުގައެވެ. އޭނާގެ މޫނުމަތީގައި އުފާވެރިކަން ވިދަވިދާ ހުއްޓެވެ. އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް ކައުންޓަރު ދޮށުގައި އިން ކަމާލަށް އެކަން ފާހަގަކުރެވުނެވެ. ނަޖާހު މާ ވާހަކަ ގިނަވެފައި، މަޖާވެފައި އިނީމައެވެ. މޫނުމަތީގައި ކުރިން ހުންނަ މާޔޫސްކަން ފިލައި، އުފާވެރިކަން އުތުރިއަރަމުން އަންނަތަން ފެނުނީމައެވެ. ކަމާލުގެ ހިތުގައި އުފެދުނު ސުވާލު އޭނާ ނަޖާހާކުރިއެވެ. ހިނިގަނޑަކާއެކު ނަޖާހު ދިނީ ކުރު ޖަވާބެކެވެ.
“ނުލިބިގެން އުޅުނު މީރު މޭވާ މި ރޭ ލިބިއްޖެ!”
ޝިމާނާގެ ވާހަކަ ކަމާލަށް ނަޖާހު ކިޔައިދިނެވެ. އޭނާއަށް ޝިމާނާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން، މި ރެއާ ހަމައަށް ކަން ހިނގައިދިޔަ ގޮތެވެ. އެ ވާހަކަތައް އަޑުއަހާފައި ނަޖާހަށް އުފާވެރި ދުވަސްތަކަކަށް ކަމާލު އެދުނެވެ.
ފިލްމު ނިމިއްޖެއެވެ. އޮލިމްޕަހުން މީހުންތައް ނިކުންނާން ފަށައިފިއެވެ. އޮލިމްޕަހުގެ އުދާސް މާހައުލުން ނިކުތުމާއެކު، ކޮންމެ މީހަކަށް ވެސް ހީވަނީ، އެހެން ދުނިޔެއަކަށް ނިކުމެވޭ ހެންނެވެ. އެއާކޯންކޮށްފައިވާ މާހައުލަކަށް ނޭވާލެވޭ ހެންނެވެ. އޮލިމްޕަހަށް ވަންއިރު، ރީތިކޮށް ފުށްޖަހައި މޭކަޕްކޮށްފައިވާ މޫނުތަކުން މިހާރު ފެންނަނީ ތެޔޮ ހިލިފައިވާ ތަނެވެ. ބައެއް މީހުން އަތުން މޫނު ފޮހެލައެވެ. ބައެއް މީހުން ޓިޝޫއަކުން ނޫނީ ރުމާލަކުން މޫނު ފޮހެލައި ރީތިކޮށްލައެވެ. ކޮންމެ ގޮތަކަށް މޫނު ހުއްޓަސް، ހެޔޮކަމަށް ކުރިއަށް ހިނގައިގަންނަ މީހުން ވެސް ފެނެއެވެ.
މި ބައިގަނޑުގެތެރޭގައި ހިމެނިގެން، ޝިމާނާއާއި އޭނާގެ އެކުވެރިން ވެސް ބޭރަށް ނިކުމެއްޖެއެވެ. މަގަށް ނިކުމެ ހަމަނޭވާ ލެވުމާއެކު، ހިތަށް ފިނިކަން ލިބުނެވެ.
“ކޮން ކަހަލަ ފިލްމަކަށްތަ މި އާދެވުނީ؟” މަގަށް ނިކުމެ، ކުރިއަށް ހިނގައިގަންނަމުން އައިޝާ ބުނެލިއެވެ.
“ނޭނގެ! އިޝްތިހާރުކުރިވަރުން މަ ހީކުރީ ވަރަށް ރީތިވާނެކަމަށް. ކަމުދާ ކަހަލަ ލަވައެއް ވެސް ނެތް” ޝިމާނާއަކަށް ވެސް ފިލްމު ކަމަކު ނުދިޔައެވެ.
“ކިޔައި ނުކިޔައި އެއްޗެއް ވެސް ސާފެއް ނޫން! އަނެއްކޮޅުން…”
ފަރީހާގެ ޖުމުލަ މެދުކަނޑައިލީ، މީހަކު ފަހަތުން ޝިމާނާއަށް ގޮވައިލި އަޑު އިވުމުންނެވެ. ތިން ކުދިންނަށް އެކުގައި ކަހަލަ ގޮތަކަށް ފަހަތަށް ބަލައިލެވުނެވެ. ފެނުނީ ނަޖާހެވެ. އޭނާ ހިނިއައިސްފައި ހުރެ، އެ މީހުންނާ ދިމާއަށް އަންނަތަނެވެ. މި މަންޒަރު ފެނިފައި، ޝިމާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެއީ އޭނާ އުއްމީދުކުރި ކަމެއް ނޫނެވެ. އެ ގޮތަށް ފަހަތުން ނަޖާހު އަތުވެދާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
“ފިލްމު ކިހިނެއް؟” ނަޖާހު އައިސް ހުއްޓުނީ ޝިމާނާގެ ގާތުގައެވެ.
“ވަރަށް ރީތި.” ޝިމާނާ ހިނިތުންވެލީ ގަދަކަމުންނެވެ.
އެ ވަގުތު މަޖީދީމަގުން ސައިކަލެއްގައި ދިޔަ އައިޝާގެ ރައްޓެއްސަކަށް އައިޝާ ފެނިގެން ގޮވައިލިއެވެ. އައިޝާ އެ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ފަރީހާ ވެސް ދިޔައެވެ. ޝިމާނާއާއި ނަޖާހު އެކަނިވީއެވެ. މިއީ ނަޖާހު ބޭނުންވެފައި ހުރި ގޮތެވެ. އެހެންކަމުން ލިބުނު ފިރުސަތުގެ ބޭނުން ހިފަން ނަޖާހު ބޭނުންވިއެވެ.
“އަހަރެން ޝިމާނާ ގާތު ވަރަށް ސީރިޔަސް ވާހަކައެއް ދައްކާލަން ބޭނުން. ކިހިނެއް ހަދާނީ؟”
“ދެން ދިމާވީމަ ދައްކާނީ ދޯ!” ޝިމާނާ ބޭނުންވީ ވާހަކަ ކުރުކޮށްލާށެވެ.
“ނަންބަރު ދޭންވީނު!”
“ނަންބަރު ދޯ!” ޝިމާނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. މި ޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ. ހަދާނީ ކިހިނެއް ބާވައެވެ؟ ނަންބަރު ދޭންވީ ބާވައެވެ؟ ނަންބަރު ދީގެން މާ ގިނައިން ގުޅަންފަށައިފިއްޔާ، ދެން ވާނީ ކިހިނެއް ބާވައެވެ؟
“ކޮންކަމަކާ ތި ވިސްނަނީ؟ އަހަރެން މާ ގިނައެއްކޮށް ނުގުޅާނަމޭ!”
“ޔަޤީންތަ؟” އެއް ފަހަރު ވެސް ނަޖާހު ގުޅާކަށް ޝިމާނާ ބޭނުމެއް ނުވެއެވެ.
“އާނ!”
“އަސްލު ވާ ގޮތަކީ ބައްޕައަކީ ނިކަން ފާޑެއްގެ މީހެއް. ވަރަށް ރުޅިގަދަވާނެ! މީހަކު މަށާ ގުޅާކަން އެގިއްޖެއްޔާ ވަރަށް ސުވާލު ގިނަވާނެ!”
“ޝިމާނާއަށް ފަސޭހަ ގަޑިއަކު ގުޅާނީ. އޯކޭއެއްނު! ދެން ދީ ނަންބަރު!” ނަޖާހުގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.
މަޖުބޫރުވެގެން ދޭ ކަހަލަ ގޮތަކަށް، ނަޖާހަށް ޝިމާނާ ނަންބަރު ދީފިއެވެ. މާ ގިނައިން ނުގުޅުމަށް ޝަރުތުކޮށްފައެވެ. މި ރޭ ކުޅެވުނު ޑްރާމާއާމެދު މިހާރު ވެސް ޝިމާނާ މޮޔަ ހީވާން ފަށައިފިއެވެ. މި ކުރެވުނީ އަނެއްކާ ކޮންކަހަލަ ކަމެއް ބާވައެވެ؟ ނަޖާހަކީ ކޮންކަހަލަ މީހެއް ކަމެއް ވެސް ނޭނގެއެވެ. އެންމެފަހުން ނަންބަރު ވެސް ދެވުނީއެވެ.
ގެއަށް އައިސް އެއްޗެހި ބަދަލުކޮށްގެން ޝިމާނާ އޮށޯތީ ނިދާކަށް ނޫނެވެ. އޭނާ ފިލްމަށް ދިޔައީ ފައިރޫޒްގެ ގާތުގައި، ގުޅާނަމޭ ބުނެފައެވެ. އެހެންކަމުން އޭނާ އޮށޯވެ ހަމަޖެހިލުމަށްފަހު، ފައިރޫޒަށް ގުޅައިލިއެވެ. ތިންވަނަ ރިންގާއެކު ފައިރޫޒް ފޯނު ނެގިއެވެ.
“ތި ކޯލުގެ އިންތިޒާރުގަ ނުނިދިފަ މި އޮންނަނީ.” ފޯނު ނެގިގޮތަށް ފައިރޫޒް ބުންޏެވެ.
“އެނގޭ!” ޝިމާނާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.
“ފިލްމު ރީތިތަ؟”
“ވަރަށް ފޫހި. ނުދެވުނު ނަމައޭ ހިތަށް އެރި. ފިލްމަށް ގޮސް އިންްްއިރު ފައި ވަަރަށް މިސްވި.”
“އަހަރެން ވެސް މި ރޭ މި އުޅެނީ ވަރަށް ބޮޑަށް މިސްވާތީ.”
“އަދިވެސް ދެ ހަފުތާ އެބަ އޮތް ދޯ! ހާދަ ދުވަހެކޭ.” ޝިމާނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އޮތީ ފައިރޫޒް ދެކޭހިތުން ކެތްމަދުވެފައެވެ.
“އާނ! އަދި ބަރާބަރު ދެ ހަފުތާ އެބަ އޮތް.”
“ދެން އޮފީހުން ތިކަހަލަ ދަތުރެއް ލިބުނަސް ނުދާތި!” ފައިރޫޒް ހުރީ އޮފީސް ދަތުރެއްގައި އަތޮޅުތެރޭގެ ރަށެއްގައެވެ.
“ޝިމާ ދައްކާވާހަކަ.” ޝިމާނާގެ އެ ޖުމުލައިން ފައިރޫޒްގެ ގާތަށް ހިނިއައެވެ. “އޮފީހުގައި އުޅެންޏާ ޖެހޭނީ ދާން!”
“އާނ! ދޯ!”
“މިހާރު ގަޑިން ކިހައި އިރެއް؟” ފައިރޫޒް އާފުރެލިއެވެ.
“ބާރަގަޑި ބައިވަނީ.”
“ދެން ހިނގާ ނިދަން އުޅެމާ! މާދަމާ ވެސް ވަރަށް ކުރިން ތެދުވަން ޖެހޭނެ.”
“އާނ. މަވެސް ނުވައެއް ޖަހާއިރަށް އޮފީހަށް ދާންޖެހޭނެ.” ޝިމާނާ އެނދުން ތެދުވިއެވެ.
“މާދަމާ ހެނދުނު ހޭލާފައި ގުޅާނަން. ގުޑް ނައިޓް”
“ގުޑް ނައިޓް. ލަވް ޔޫ ސޯމަޗް!”
“ލަވް ޔޫ މޯރ”
ފޯނު ބާއްވާފައި ޝިމާނާ އައިސް އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ނިދާބޮކި ދިއްލައިލުމަށްފަހު، ކަންނޭލުގައި ބައްދާލަމުން ލޯ މަރައިލިއެވެ. ގިނަ އިރުތަކެއް ނުވެ، ފޯނު ރިންގުވާން ފަށައިފިއެވެ. ކޮންމެވެސް މުހިންމު ވާހަކައެއް ނުބުނެވި އޮތުމުން ފައިރޫޒް ގުޅީއޭ ހީކޮށް ޝިމާނާ ތެދުވެގެން ގޮސް، ފޯނު ނަގައި ބަލައިލިއެވެ. އެއާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
ޔަގީނެވެ. މި ގުޅަނީ ނަޖާހު ނޫން ދެވަނަ މީހެއް ނޫނެވެ. އެހެންކަމުން އެ ކޯލު ނަގާކަށް ޝިމާނާ ބޭނުމެއް ނުވިއެވެ. އޭނާ އިރުކޮޅަކު ވިސްނައިލާން ހުރެފައި ފޯނު ބޭއްވީއެވެ. އިރުކޮޅަކު ހުރެފައި، އެނދާ ދިމާއަށް ހިނގައިގަތް ތަނާ ފޯނު ކެނޑިއްޖެއެވެ. ޖެހިގެން އައި ސިކުންތުގައި އަނެއްކާ ވެސް ގުޅާން ފަށައިފިއެވެ. ޝިމާނާއަށް ޗޮކެއް ކަނޑައިލެވުނެވެ. ތިންވަނަ ފަހަރަށް ގުޅުމުން، އޭނާ ގޮސް ފޯނުނެގިއެވެ. މުހިންމު ކަމެއް ޖެހިގެން އެހެން މީހަކު ވެސް ގުޅައިފާނެއެވެ.
“ޝިމާނާތަ؟” އަޑު ޖެހުމާއެކު އެއީ ނަޖާހުގެ އަޑުކަން ޝިމާނާއަށް އެނގުނެވެ. އެ އަޑުގަައި ހުރީ މަޑުމައިތިރިކަމާއި ގާތްކަމެވެ.
“އާނ! ތީ ކާކު؟” ޝިމާނާ ހަމަ ގަސްތުގައި ނޭނގޭކަމަށް ހެދިއެވެ.
“ނޭނގުނުތަ؟ މީ ނަޖާހޭ.” ނަޖާހު ވަގުތުން ތަޢާރަފުވެލިއެވެ.
“އާނ، ނަޖާހު ދޯ!” ޝިމާނާގެ މޫނުމަތީގައި ހުރި ފޫހިކަމުގެ ކުލަވަރު ދެ ގުނަ ވިއެވެ. “ކިހިނެއްވީ؟” ކިތަންމެ ފޫހި ވިޔަސް، އަޑުން އެކަން ނާންގާ ވޭތޯ ޝިމާނާ ބެލިއެވެ.
“ވާހަކަ ދައްކައިލާ ހިތުން ހަމަ ގުޅައިލީ. ކުރިން ވެސް ދެ ފަހަރަކު ގުޅާލައިފިން. ބިޒީވެފަ ހުންނަނީ.”
“މަގޭ ފޯނު ބިޒީވުމަކީ ކަލެއާ ބެހޭ ކަމެއްތަ؟” ޝިމާނާ ބުނާން ބޭނުންވީ މިހެންނެވެ. އެހެންނަމަވެސް ބުނާކަށް ނުކެރުނެވެ. ނަޖާހާމެދު ހަމްދަރުދީ ވެސް ވެވެއެވެ
“މިހާރު މި އުޅެނީ ނިދަންވެގެން. މާދަމާ ގުޅައިލާ! އިނގޭ!
“އޯކޭ. ގުޑް ނައިޓް.”
ނަޖާހު ފޯނު ބޭއްވުމުން ޝިމާނާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ ބޮލުން ހަންދަރެއް ނެގިހެންނެވެ. އަވަސް އަވަަށް ފޯނު ބައްވާފައި، އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ކަންނޭލުގައި ބައްދާލަމުން ލޯ މަރައިލިއެވެ.
އާ ދުވަހަކާ ދުނިޔެ ކުރިމަތި ލައިފިއެވެ. އެހެންނަމަވެސް ހަމަ އާދައިގެ ދުވަހެކެވެ. ޑިއުޓީއަށް ދާން ތައްޔާރުވެގެން އިޤުބާލު ކޮޓަރިން ނިކުތްއިރު، ބަދޫރާ ބަދިގޭގައި އުޅެއެވެ. ސައިތައްޔާރުކުރުމުގައި އަތްމަތި އަވަސްކޮށް ހަރަކާތްތެރިވަމުން ދެއެވެ. އިޤުބާލު އައިސް މޭޒުދޮށުގައި ޖައްސާލިއެވެ. އޭރު މޭޒުމަތީގައި ގިރާފައި ހުރި ކަޅު ސައިތަށްޓެއް ހުއްޓެވެ. ފިހެފައި އޮތް ހައެއްކަ ރޮށި އޮތެވެ. ބަދޫރާ ހުރީ އުނދުންކައިރީގައި، ތެއްޔަކުން ތަށްޓަކަށް އެއްޗެއް އަޅާށެވެ. ބަދިގެތެރޭގައި ހިފާފައި ހުރީ ގަރުދިޔަ ވަހެވެ.
މުށިމަހު ގަރުދިޔަތަށި ގެނެސް މޭޒުމަތީގައި ބެހެއްޓުމުން، އިޤުބާލު އެއަށް ބަލައިލީ ގަޔާނުވާ ފާޑަކަށެވެ. މިއަދު ވެސް ގަރުދިޔަ ދޯ އޭ ބުނެލި ކަހަލައެވެ.
“ރިހަ ކައްކާނެ އެއްޗެއް ނެތީމަ ރިހަ ނުކެއްކީ.” އިޤުބާލު އިން ގޮތް ފެނިފައި ބަދޫރާ ވާހަކަ ދެއްކިއެވެ. “ފިޔައެއް ހަވާދުކޮެޅެއްހައި ހިސާބު ވެސް ނެތް. ކިރު ޕެކެޓު ވެސް ހުރީ ހުސްވެފަ.”
ބަދޫރާގެ އަޑުގައި ހުރީ ޝަކުވާގެ ރާގެއް ނޫެނެވެ. ޝުކުރުވެރިވުމާއި ކެތްތެރިކަމެވެ. އޭނާއަކީ ލިބޭ މިންވަރަށް ފުއްދައިގެން އުޅެން ދަސްވެފައި އިން އަންހެނެކެވެ. އެ ސިފަ ނެތީ އިޤުބާލުގެއެވެ. އެހެންނަމަވެސް އޭނާއަކަށް، އޭނާ ހިތް އެދޭ ފަދަ ދިރިއުޅުމެއް ހޯދޭހައި ފައިސާއެއް ނުލިބެއެވެ. އިޤުބާލަކީ އަމިއްލަ ކުންފުންޏެއްގެ ސެކިއުރިޓީ ބަލަހައްޓާ މީހެކެވެ. މުސާރައަށް ލިބެނީ، މަހަކު އަށެއްކަ ހާސް ރުފިޔާއެވެ. މަހުގެ ފަނަރައަށް އަރާއިރު ވެސް، ގިނަ މަސްމަހު އެ އެ ފައިސާކޮޅު އޮންނަނީ ނުލިބިފައެވެ. މި މަހު ވެސް މިހާރު ފަނަރަ ސޯޅައަށް އެރީއެވެ. އަދި މުސާރަ ނުލިބެއެވެ. މި ވަރުކޮޅު ވެސް މި ވަނީ ޝިމާނާއަށް މުސާރަ ލިބޭންފެށި ފަހުންނެވެ.
އިޤުބާލު ބަހަކުން ބަހެއް ނުބުނެ، ސައި ތަށި ކައިރިކޮށްލިއެވެ. ދެ ރޮށި ނަގައި ފުނޑުކޮށްލުމަށްފަހު، ދެ ސަމުސާ ގަރުދިޔަ އަޅައިލިއެވެ. އޭނާގެ ސިކުނޑީގައި އެ ވަގުތު އެނބުރެމުން ދަނީ، ކޮން ފަދަ ޚިޔާލުތަކެއްކަމެއް ނޭނގެއެވެ.
“ކޮބާ މިއަދު ޝިމާނާ؟” ސައިބޯން ފަށަމުން އިޤުބާލު އަހައިލިއެވެ.
“އޮފީހަށް ގޮސް ވީ.”
“މިއަދު މީ ހޮނިހިރު ދުވަހެއްނު.”
“އޮފީސް އޮފީހަށް ދިޔުމުގަ ހުކުރެއް ހައްޖެއް މިހާރު އޮވޭތަ؟” އިޤުބާލު ކައިރީގައި ހުރި ގޮނޑި ދަމާލައިފައި ބަދޫރާ ޖައްސާލިއެވެ. “މި ފަހަރު މުސާރަ ލިބުނީމަ، އެއް ކަމެއް ނުކުރިޔަސް، އުނދުނެއް ގަންނަންވާނެ! މިހާރު މި އުނދުނުން ކެއްކޭވަރެއް ނުވޭ”
އިޤުބާލަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ބަދޫރާގެ މޫނަށް އޭނާ ބަަލައިލީ ނުކުޅެދުންތެރިކަމާއެކުގައެވެ. ބުނި ކަހަލައެވެ. މި ނޫން ދުވަހެއް އަހަރެމެންނަށް ފެންނާނެ ބާވައެވެ؟
“ޝިމާނާ އަދިވެސް މީހަކާ އިނުމުގެ ފިކުރެއް ނުކުރޭތަ؟” އިރުކޮޅަކު އިނދެފައި އިޤުބާލު އަހައިލިއެވެ.
“ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ ކުރީ ދުވަހު ބުނި.”
“އަނެއްކާ ކޮންކަހަލަ ކުއްޖަކާބާ ރައްޓެހިވީ؟” އަވަސް އަވަހަށް އިޤުބާލަށް އަހައިލެވުނެވެ.
“ފިރިހެން ކުއްޖަކާނު ރައްޓެހިވާނީ.” ބަދޫރާ ސަމާސާކޮށްލިއެވެ. އިޤުބާލު މާ ބޮޑަށް ފިކުރު ބޮޑުވެފައި އިނުމުން، ފިކުރުތަކުން ދުރުކޮށްލުމުގެ ނިޔަތުގައެވެ.
“ތިކަން އެނގޭ މަށަށް ވެސް.” ބަދޫރާގެ އެ ސަމާސާ އިޤުބާލަކަށް ކަމަކު ނުދިޔައެވެ.
ތަނަވަސް ދިރިއުޅުމަކަށް އިޤުބާލު އަބަދުވެސް އުއްމީދުކުރެއެވެ. އެއީ އޭނާ ޒަމާނުއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ. މީހަކާ ނީންނަ އިރުއްސުރެ ކައްކާ ފޮލާއެކެވެ. އެހެންނަމަވެސް މީހަކާ އިނދެ، ދަރިއަކު ލިބި، އެ ދަރިފުޅު ބޮޑުުވި އިރުވެސް، އެ ހުވަފެއް އޮތީ، އޭނާގެ ސިކުނޑީގެ އެއް ކަނެއްގައި، ހަތުރެއްގެ ގޮތުގައި އޭނާއަށް އަނިޔާ ދޭށެވެ. މިހާރު އޭނާގެ ހިތުގައި އުއްމީދުގެ ނުނިވި އޮތް ހަމައެކަނި ކަނި ގުޅިފައިވަނީ، އޭނާގެ ދަރިފުޅާއެވެ. ޝިމާނާއާއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އަމިއްލަ ނަފުސަށް އޭނާ އަދާކުރަންޖެހޭ ދަރަނި، ޝިމާނާ އަދާކޮށްދޭން ޖެހޭނެއެވެ. ޝިމާނާ ކައިވެނިކުރާން ވާނީ، މަހުޖަނަކާއެވެ. ނުވަތަ މަހުޖަނެއްގެ ދަރިއަކާއެވެ. މާލޭގައި ގެދޮރު ނެތަސް، ފައިސާއިން އޭނާ ފެންވަރުވާލެވޭ ފަދަ މީހަކާއެވެ. ބަދޫރާގެ އެ ސަމާސާ އިޤުބާލަށް ކަމުނުދިޔައީ އެހެންވީމައެވެ.
“ބަދޫރާއަށް އެނގޭނެ އަހަރެން މި ބުނީ ކީކޭކަން.” އިޤުބާލުގެ އަޑުގައި ނުރުހުމުގެ ރަހަ ހިފާފައި ހުއްޓެވެ. “ދުނިޔެ އުމުރު އަހަރެމެން މި އުޅޭ ހާލު، ބަދޫރާއަށް ފެންނާންވާނެ! ލިބޭ ހުރިހައި އެއްޗެއް މާލޭ ބިންވެރިންނަށް ދީފައި، އެއް ހަރުން އަނެއް ހަރަށް ދެމޭން ޖެހުނީމާ އަޅާ ވޭން އިހުސާސްކުރެވެންވާނެ! މީރު ކައި އެއްޗެއް އަރުން އެތެރެކޮށްލާން ނުލިބ،ި އުމުރު ހުސްވަމުން ދާއިރު، ލިބޭ ހިތްދަތިކަން ހަނދާން ހުންނާންވާނެ! މި ދިިރިއުޅުން ޝިމާނާ އުޅޭތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން. އެހެންވީމާ އޭނާ އިންނަންވާނީ، ޖީބު ބޮޑު ފިރިހެނަކާ. ޝިމާނާ އިންނަން އެ އުޅެނީ، ކޮން ފެންވަރެއްގެ މީހަކާތޯ އަހައި އޮޅުންފިލުވާތި! ސަމާސާ ކަމަކަށް މި ކަން ހަދައިގެން ނުވާނެ!”
އިޤުބާލު ޑިއުޓީއަށް ހިނގައްޖެއެވެ. ޑިއުޓީގައި އިން އިރު ވެސް، އޭނާގެ ސިކުނޑި ހަލަބޮލިކުރަމުން ދަނީ، ބަދޫރާގެ އެ ބުނުމެވެ. ޝިމާނާ އަނެއްކާ ހިތާވެގެން އެ އުޅެނީ ކާކާ ބާވައެވެ؟ އެ މަންޖެ ވިސްނައިނުލައި، ޅަ އެއްޗެއް އަޅައިފާނެ ބާވައެވެ؟ އަނދެލާނެ ފޮށާގަނޑެއްހައި ހިސާބު ވެސް ނެތް ކޮހަކު ގޮވަގެން، ވަލީ ހޯދަން އަޔަސް، މަގޭ ފަރާތުން ލިބޭނެ އެއްޗެއް ނޯންނާނެއެވެ.
ޑިއުޓީ ނިންމާފައި އިޤުބާލަށް ގެއަށް އާދެވުނުއިރު، އަސުރުން އިރު ތިރިވެއްޖެއެވެ. ފެންވަރައި، ނަމާދުކޮށް ހަދައިގެން އޭނާ އައި އިރު، ބަދޫރާ ކޮޓަރީގައި އުޅެއެވެ. އަލަމާރީގެ ހެދުންތައް ތަރުތީބުކުރުމުގައެވެ. އިޤުބާލު އައިސް، އެނދު ހުރަހަށް ޖައްސައިލިއެވެ.
“ކޮބާ އެއްކަލަ ވާހަކަ އަހައިފިން؟”
“ހޫނ!”
“ކީކޭ ބުނީ؟” އިޤުބާލަށް ފުންމައިގެން ތެދުވެވުނެވެ.
“މާލޭ ކުއްޖެކޯ. ގެ ވެސް ހުންނަނީ ހަތް ބުރިއަށް ނަގާފަޔޯ. ދެ ބެންނޯ ތިބެނީ. ރަނގަޅަށް ކިޔަވައިގެން ސަރުކާރު ވަޒީފާއެއްގަޔޯ އުޅެނީ ވެސް.
“ތި އޮތީ ފާސްވެފަ. އޭ ރިޕޯޓް ލިބިފަ. އަހަރެމެން ކުއްޔަށް އުޅޭ އުޅުމަށް އިރާދަކުރެއްވިއްޔާ ދެން މި ނިމުން އައީ. މަށަށް މާ ކުރިން ވެސް އެނގޭ މަގޭ ދަރިއަކު ވިޔާނުދާ މަގަކުން ނުހިނގާނެކަން. ބަދޫރާ އަޅެ އުފަލެއް ނުވޭތަ؟” އިޤުބާލުގެ ކޮލުދަތްކޮޅަށް ދާންދެން ފެންނާން ހުއްޓެވެ.
“މަ ކީއްވެ ވަކި އުފާ ނުވާންވީ؟ މަގޭ ވެސް ދަރިއެއް ވިއްޔަ އެއީ.”
“ބުނޭ އަވަހަށް ތި ކަން ނިންމަން އުޅޭށޭ! ލަސްކުރާން ތިބޭން ހަދައިގެން ހަތް ބުރި އިމާރާތް އަތުން ބީވެދާނެ!”
ބަދޫރާއަށް ޗޮކެއް ކަނޑައިލެވުނެވެ. އެއްޗެއް ބުނާން ވެސް ބޭނުންވިއެވެ. ދުނިޔޭގެ ދަހިވެތިކަމަށް ތިހައި ބޮޑަށް ނުހެއްލޭށޭ ކިޔައި، ވިސްނައިދޭން ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ކަހަލަ އެއްޗެއް ބުންޏަސް، އިޤުބާލުގެ ގާތަށް އަންނާނީ ރުޅިކަން އޭނާއަށް އެނގެއެވެ.
އިރާކޮޅުގެ ވަގުތެވެ. ކަޅުފޮއި މޫސުމުގެ އަނދިރި ރޭތަކުގެ ތެރެއިން ރެއެއް ކަމަކު، އެ އަނދިރިކަމަކަށް މަގުތަކުގައި ޖާގައެއް ނެތެވެ. ޒަމާނީ ތަރައްޤީގެ ހުދު އަލިން މަގުތައް ވަނީ، ހުޅުދާންކޮށްފައެވެ. ދުއްވާފައި ދާ ބައިސްކަލު، ސައިކަލު ކާރު ފަދަ ތަކެތީން، މަގުތަކުގެ ފަޅުކަން، ދޭތެރެދޭތެރެއިން ފޫދުއްވާލައެވެ.
އާދައިގެ ހިނގުމެއްގައި ނަޖާހު އައިސް މަޑުކޮށްލީ، ޝިމާނާމެންގެއާ ވިއްސަކަށް ތިރީހަކަށް ފޫޓު ދުރުގައެވެ. ކުރީ ރެއާ ޚިލާފަށް މި ރޭ އޭނާ ފެންނަލެއް ވަރަށް ތަފާތެވެ. އެ ރޭ ލައިގެން ހުރި ބާ ޓީޝާޓުގަނޑުގެ ބަދަލުގައި، މި ރޭ ލައިގެން ހުރީ ރީތި އާ ގަމީހެކެވެ. ބާ ފަޓުލޫނުގެ ބަދަލުގައި، އާ ޖީންސެކެވެ. ހަވީރު ފިންޏަށް އަރާ ކަހަލަ ރީތި ފައިވާނެކެވެ. ފަހުން ދޭ ގޮތަށް ކަމާލުއަތުން ފަސް ސަތޭކަ ރުފިޔާ ނަގައިގެން ހެދުން އާ ކުރީ، ޝިމާނާ ކަހަލަ ރީތި ކުއްޖަކާ ބައްދަލުވާން އަންނައިރު، ރީތިކޮށް ނަލަހެދުމަކީ، ކުރާންޖެހޭނެ ކަމެއްކަމަށް ޤަބޫލުކުރެވޭތީއެވެ.
ޝިމާނާމެން ގޭ ދޮށަށް ނަޖާހު އައީ ޝިމާނާއަށް ގުޅާފައެވެ. ބޭރުގައި އުޅޭ ވާހަކަ ޝިމާނާ ބުނުމުން، އެނބުރި ގެއަށް އަންނާން ވާއިރަށް އައީއެވެ. ޝިމާނާ ދެކިލާ ހިތުންނެވެ. ވާހަކަދައްކައިލާން ބޭނުންވާތީއެވެ. ޝިމާނާ ބޭނުން ނަމަ، އެކުގައި ހިނގައިލާން ދާން ހިތް އެދޭތީއެވެ.
ޝިމާނާގެ އިންތިޒާރުގައި މާ ގިނައިރު ހުންނާކަށް ނަޖާހަކަށް ނުޖެހުނެވެ. ގެއާ ދިމާއަށް ޝިމާނާ އަންނަތަން ފެނިއްޖެއެވެ. ޝިމާނާ ފެނުމާއެކު، ނަޖާހުގެ ހިތް ތެޅޭން ފެށިއެވެ. އެއީ ޝިމާނާ ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ވާ ގޮތެކެވެ. މަޑު ނޫކުލައިގެ ހެދުމަކާއި ހުދު ކުލައިގެ ދޯޕައްޓާއެއްގައި ޝިމާނާ ފެންނަލެއް މި ރޭ އަދި ވަކިން ރީއްޗެވެ.
ޝިމާނާގެ ރީތި ސޫރަ ފެނިފައި، ނަޖާހުގެ މޫނުމަތި އަލިވެ އުޖާލާވިއެވެ. ހަމައެއާއެކު ނަޖާހު ފެނިފައި ފޫހިކަމާއި ނުތަނަވަސްކަމުގެ ތޫފާނެއް ޝިމާނާގެ މޫނުމަތީގައި އުފެދުނެވެ. ނަޖާހު ގުޅީމުން ބޭރުގައޭ ބުނީ ވެސް، އޭނާގެ ކިބައިން ފަސޭހައިން ސަލާމަތްވާށެވެ. އެހެންނަމަވެސް މި ވީ އެހެނެއް ނޫނެވެ. އެހެރީ އައިސް ވިއްދާފައެވެ. މި ޖެހުނީ ފިސާރި ކަމާއެވެ. ޝިމާނާގެ ސިކުނޑިއަށް ބަރުވާން ފެށިއެވެ. ޝިމާނާ ބޭނުންވީ، ފެންނަ ކަމަށް ވެސް ނުހަދައި، ދާގޮތަށް ގޮސް ގެއަށް ވަންނާށެވެ.
“ހާދަ އިރެއްވެއްޖޭ އިންތިޒާރު ކުރާތާ.” ޝިމާނާ އަރައި ހަމަވުމުން، އުފަލުން ފުރިފައި ހުރި މޫނަކާއެކު ނަޖާހު ހިނިތުންވެލިއެވެ.
ނަޖާހު ވާހަކަ ދައްކަން ފެށުމުން، ޝިމާނާއަށް ޖެހުނީ މަޑުކުރާށެވެ. އަޑު ނީވޭ ކަމަށް ހަދާފައި ދެވިވެސްދާނެއެވެ. އެހެންނަމަވެސް އެއީ ރީތިކަމެއް ނޫނެވެ. ހުތުރު ކަމަކެވެ.
“ކީއްކުރަން ގޭދޮށަށް ތި އައީ؟”
“ބޭރުގަ އުޅޭ ވާހަކަ ބުނީމަ ހިތަށް އެރީ ގޭދޮށަށް އަންނާނީއޭ. އޭރުން ހަމަ ގައިމުވެސް ގެއަށް އަންނަ ވަގުތު ދިމާނެއެއްނު.”
ނަޖާހާއި ޝިމާނާ ގޭ ދޮށު މަގުމަތީގައި ވާހަކަ ދައްކާން ތިއްބާ، އިޤުބާލު އަންނަތަން ފެނިއްޖެއެވެ. އޭނާގެ ބޮލުގައި އޮތް ތާކިޔާ ހެކިދެނީ، އޭނާ އެ އަންނަނީ މިސްކިތުން ފައިބައިގެން ކަމެވެ. މި ދެ ކުދިންނަށް އިޤުބާލު ނުފެނުނު ނަމަވެސް، އިޤުބާލަށް މި ދެ ކުދީން ފެނިއްޖެއެވެ. މަންޒަރު ފެނުމާއެކު އޭނާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އެރިއެވެ. ދެ އަތް ފުރަގަހަށް ލައިގެން އިރުކޮޅަކު ވިސްނައިލާން ހުރެފައި، އޭނާ ކުރިއަށް ހިނގައިގަތެވެ. މަގުގެ އެއް ފަރާތުން، ހިންޏެއް ވެސް މަރުނުވާހައި މަޑުން ފިޔަވަޅު އަޅަމުންނެވެ.
“މިހާރު އެ އޮތް އަށެއް ޖަހަނީނު. މި ރޭ އޮލިމްޕަހަކަށް ނުދަމުތަ؟” ޝިމާނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ނަޖާހު ފޮނުވައިލާށެވެ. މި ހެން މަގުމަތީގައި ތިބެ، މީހުންނަށް އިޝްތިހާރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ދަންނަ މީހަކަށް ފެނިގެން ފައިރޫޒާ ހަމައަށް ބޮޑު ޚަބަރެއްގެ ގޮތުގައި މި ކަން ދާކަށް އޭނާ ނޭދެއެވެ.
“އާނ، މި ރޭ މި އައީ ނުދާނެ ވާހަކަ ބުނެފަ.”
“ކީއްވެ ނުދަނީ؟ ވަޒީފާއަށް ފަރުވާކުޑަ ކުރާކަށް ނުވާނެ!”
“އެއަށްވުރެ މުހިއްމު ކަމެއް އޮތީމަ” ޝިމާނާއާ ހަތަރުކަޅި ހަމަކޮށްލަމުން ނަޖާހު ބުންޏެވެ.
“ކޮންކަމެއް؟” ނޭނގޭކަމަށް ޝިމާނާ ހެދިއެވެ.
“ހިނގާ މި ރޭ އެއްޗެއް ކާލަން ތަނަކަށް ގޮސްލަން. މަ ބުނީމެންނު ވަރަށް މުހިއްމު ވާހަކައެއް ވެސް ދައްކާލަންވެފަ އެބަ އޮތޭ”
“އެއްޗެއް ކައިލާށޭ؟ ލާހިކެއް ނޫން!” އެ ކަހަލަ ވާހަކައެއް ނަޖާހަށް ބުނާން ކެރޭނެކަމަކަށް ވެސް ޝިމާނާ ހިޔެއް ނުކުރެއެވެ.
“ކީއްވެ؟”
“ބައްޕަ ވަރަށް ރުޅި އަންނާނެ ފިރިހެން ކުދިންނާއެކު ތަންތަނަށް ދަންޏާ.”
“ނޫނޭ ދަރިފުޅާ! ބައްޕަ ރުޅިއެއް ނާންނާނަން.”
އިޤުބާލުގެ މި ޖުމުލައާއެކު ޝިމާނާއާއި ނަޖާހަށް ލިބުނީ ސިހުމެވެ. ދިހަވަރަކަށް ފޫޓު ދުރުގައި ހިނިއައިސްފައި ހުރި އިޤުބާލުގެ މޫނަށް އެ ކުދީންނަށް ބަލައިލެވުނެވެ. އޭނާ އެ ތަނުގައި ހުރިކަން ކުރިއަކުން އެ ކުދީންނަކަށް ނޭނގެއެވެ.
“ދަރިފުޅު މިހާރު ތިހިރީ ބޮޑުވެފަ އެއްނު. މަންމަ ގާތު ބުނެލާފަ ދޭ އެ ބުނާ ތަނަކަށް ގޮސްލާފަ އަންނަން. ބައްޕަގެ އެއްވެސް މައްސަލައެއް ނެތް”
ޝިމާނާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ބުނާނޭ އެއްޗެއް ނޭނގިފައެވެ. ކުރިމަތީގައި މި ހުރީ ހަމަ ބައްޕަ ބާވައެވެ؟ ނޫނީ ބައްޕަގެ ސިފައިގައި ހުރި ރޫޙާނީ އެއްޗެއް ބާވައެވެ؟ ޝިމާނާއަށް ހުރެވުނީ ބައްޕަގެ އެ ޖުމުލަ ގަބޫލު ނުކުރެވިފައެވެ.
“ދަރިފުޅާ! ކީއްވެ ތި ހުންނަނީ؟ ތިހެން ތިބީމަ ދެ ކުދިންނަށް ވެސް ވާނީ ލަހެއްނު! މާދަމާ ވެސް އޮފީހަށް ދާންޖެހޭނެއެއްނު. ބައްޕަ ގެއަށް ވަދެ، މަންމަގެ ގާތުގައި ބުނެލާނަން. ދަރިފުޅުމެން ދޭ!”
ޝިމާނާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި، އުފަލުން ފުރިފައި އޮތް ހިތަކާއެކު އިޤުބާލު ގޮސް ދޮރޯށި ހުޅުވާލައިފައި ގެއަށް ވަދެއްޖެއެވެ. އޭރު އޭނާގެ ހިތް އުފަލުން ފުރި، ބަންޑުންވަނީއެވެ. ހީ ވެސް ނުކޮށް ހުއްޓާ މުސަނދި ދަނބިދަރިއަކު މިންވަރު ކުރެއްވީތީއެވެ. ދެެކެމުން އައި ހުވަފެނުގައި، އުމުރުގެ ފަހުކޮޅުގައި ނަމަވެސް ކުލަ ޖެހުމުގެ މަގު ފަހިވީތީއެވެ.
ޝިމާނާގެ މޫނުމަތީން އަދިވެސް ހައިރާންކަމެއް ނުފިލައެވެ. ނަޖާހު ކަހަލަ ދެ އުޅިއެއް ނުވާ މީހަކާމެދު އެހައި ފިނިހިތަކުން ބައްޕަ ގޮތް ނިންމީތީއެވެ. ބައްޕަގެ ވިސްނުމާއި ފިކުރު ޝިމާނާއަށް އެނގެއެވެ. ޝިމާނާގެ ހިތުގައި ހައިރާންކަމުގެ އޮއިވަރެއް ހިނގަހިނގާ ހުރިއިރު، ނަޖާހުގެ ސިކުނޑީގައި ކުޅެމުން ދަނީ އުފާވެރިކަމުގެ ރާގެކެވެ. އޭނާގެ ހިތް އުފަލުން ނަށަނީއެވެ. ހީވެސް ނުކުރާހައި ފަސޭހައިން ހުރިހައި ކަމެއް ހަމަޖެހެމުން ދާތީއެވެ. ޝިމާނާ އޭނާއާ ވާހަކަ ދެއްކީ ރޭގައެވެ. މި ރޭ ބައްޕަގެ ރުހުން ލިބުނީއެވެ. އުފަލުގެ ކޮޅެއް ވެސް ނެތެވެ. ވީ އެންމެ އަވަހަކަށް ކައިވެންޏަށް ތައްޔާރުވާންވީއޭ ހިތް ބުނާން ފެށިއެވެ.
ޝިމާނާ ގޮސް ރެސްޓޯރެންޓަށް ވަނީ ހިތާ ދެކޮޅަށެވެ. އޭނާގެ ހިތް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި ބަނދެވިފައެވެ. އެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ވެސް ކުޑައެއް ނޫނެވެ. ފައިރޫޒަކީ ރައްޓެހިން ގިނަ މީހެކެވެ. އޭނާގެ އެތައް ރައްޓެހިންނަކަށް މިހާރު ޝިމާނާ އެނގޭނެއެވެ. އެއިން މީހަކަށް މި ކަހަލަ މަންޒަރެއް ފެނިއްޖެއްޔާ، ވަގުތުން ފައިރޫޒަށް ޚަބަރުދޭނެއެވެ. އެހެންވެއްޖެ ނަމަ، ފައިރޫޒުގެ އެތައް ހާސް ސުވާލަކާ އޭނާއަށް ކުރިމަތިލާން ޖެހޭނެއެވެ.
“ޓްވިންޕީކްސްގެ ހިތްފަސޭހަ މާހައުލު، ޝިމާނާގެ ހިތަށް ކަށިހަރަމުން ދިޔައިރު، ނަޖާހުގެ ތުންފަތްމަތީގައި ދުވެލަދުވެލައި ހުރީ، މާމުއީގެ ހިނިތުންވުމެކެވެ. އޭނާއަށް ވަނީ އެއް ފަހަރާ އެތައް އުފަލެއް ލިބިފައެވެ. ތަޖުރިބާކުރެވެމުން ދަނީ ގަބޫލުކުރަން ދަތި ވަގުތުތަކެކެވެ.
“މަ ހީކުރިވަރަށް ވުރެ ޝިމާނާގެ ބައްޕަ މާ ކޫލް. ވަރަށް ވިސްނޭ ރަނގަޅު ބައްޕައެއް ލިބިފަ ތި ވަނީ.”
“ކޮން ވާހަކަ އެއްތަ ދައްކަން އޭރު އުޅުނީ؟” ނަޖާހު ދެއްކި ވާހަކަ ޝިމާނާއަށް އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނާ ފެށީ އެހެން ވާހަކައެކެވެ.
“ކޮން ވާހަކައެއްހެން ހީވަނީ؟”
“ނޭނގޭ. ބުނެބަލަ!” ޝިމާނާ އިނީ ނަޖާހާ ދިމާއަށް ބަލައިލާން ވެސް ބޭނުން ނުވެފައެވެ.
“އަހަރެން ވަރަށް ކުރިއްސުރެ ޝިމާނާ ދަންނަން.” އިސްދަށަށް ޖަހައިގެން އިން ޝިމާނާއާ ދިމާއަށް ބަލަހައްޓައިގެން އިދެ، ނަޖާހު ވާހަކަ ދައްކާން ފެށިއެވެ. “ޝިމާނާ އޮފީހަށް ދާއިރު، ކޮންމެ ދުވަހަކު ވެސް ދާނީ އަހަރެން އުޅޭ ގޭގެ ކުރިމަތިން. ޝިމާނާ ދާއިރު، އަހަރެން ނިކުމެ ބަލަން ހުންނަކަން އެނގޭތަ؟”
“އެހެން ނޭނގޭ.” ޝިމާނާ ހަމަ ގަސްތުގައި ނޭނގޭކަމަށް ހެދިއެވެ. އެހެންނަމަވެސް އޭނާއަށް ވަނީ އެކަން ފާހަގަކުރެވިފައެވެ. ނަޖާހު އެ ގޮތަށް ކޮންމެ ދުވަހަކު ބަލަން ހުންނާތީ، އޭނާއަށް ވަރަށް އުނދަގޫ ވެސް ވެއެވެ.
“އެންމެ ރަނގަޅުތަ އަހަރެން ޝިމާ ކިޔަސް؟”
ނަޖާހުގެ އެ ސުވާލަށް، ޝިމާނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަޖާހާ ދިމާއަށް ބަލައިލަމުން، މަލާމާތުގެ ގޮތަކަށް ހިނިތުންވެލީއެވެ. އެ ހިނިތުންވުން ނަޖާހަށް ވެގެންދިޔައީ، އޭނާގެ ހިތުގައި ދެމެމުން ދިޔަ އުފާވެރިކަމުގެ އޮއިވަރު އިތުރަށް ހަލުއިކޮށްލި ހިނިތުންވުމަކަށެވެ.
“އެހެންވިއްޔާ އަހަރެން ދެން ކިޔާނީ ޝިމާ.”
ޝިމާނާ ބޭނުންވަނީ ނަޖާހު އަރައި އިން ތަނުން ބާލައި، ހަމަ ބިމަށް ތިރިކުރާށެވެ. އެ އުސްގަނޑަށް ނަޖާހު އެރުވީ ވެސް ޝިމާނާއެވެ. އެ ކަމަށް އޭނާއަށް އޭރު ހިތްވަރު ލިބުނެވެ. އެހެންނަމަވެސް އެ ތަނުން ނަޖާހު ބާލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހިތްވަރު ލިބުނު ދުވަހަކުން އޭނާ ބުންނަ ބޭނުންވެއެވެ. މީނދަ ފެންނަ މޮޔަ ފިރިހެނާއެވެ. ކަލޭ ތިޔަ ދެކެނީ ކޮން އަވާމެންދުރެއް ހެއްޔެވެ؟ އެ ރޭ ސިނަމާތެރޭގައި އަހަރެން ކުޅުނީ ޑްރާމާއެކެވެ. އެއީ އަތުގައި ފައިސާ ނެތީމާ، އެކުވެރިންނާއެކު ހިލޭ ފިލްމަށް ވަދެލަން ބޭނުންވެގެން ކޮށްލި އެކްޓެކެވެ. ކަލެއަށް ތިޔަވަރު ވާނޭކަން އެނގޭ ނަމަ، އެ ޑްރާމާއެއް އަހަރެން ނުކުޅުނީމުހެވެ. އާދޭސްކޮށްފައި ބުނަމެވެ. ތިޔަ ފޮލާތަށް ނުކައްކަބަލާށެވެ! އަހަރެން ކަލެއަކާ ނީންނާނަމެވެ.
“މި ރޭ އަހަރެން މި އިނީ ވަރަށް އުފާވެފަ. ވަރަށް ކުރިންސުރެ އަހަރެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް މި ވީ. ތެންކްޔޫ ޝިމާ” ނަޖާހުގެ ދެ ލޮލުން ކަރުނަތައް ވިދާންފެށިއެވެ. އުފާވެރިކަމުގެ ރަމްޒެއްގެ ގޮތުގައެވެ. “ހިނގާ އެއްޗަކަށް އޯޑަރުދޭން!” ޝިމާނާއަށް ސިއްރުން ނަޖާހު ދެ ލޯ ފޮހެލިއެވެ.
“ދެން ކޮންމެހެން ދެ ލޯ ފޮހޭނެކަމެއް ނެތް! އަމިއްލައަށް ފޭހުނު އިލޮށިގަނޑު ތި ހެރުނީ.” ނަޖާހުގެ ވާހަކަތައް އައިޝާއަށް ކިޔައިދިނުމުން، އައިޝާއަށް ޖަހައިލެވުނީ ހިނިގަނޑެކެވެ. ޝިމާނާ ކިތަންމެ ދެރަވެފައި އިން ނަމަަވެސް، އައިޝާއަކަށް ސީރިޔަސްއެއް ނުވެވުނެވެ.
“ދެން އަދިވެސް ހެނީތަ؟ މަ މިހިރަ މޮޔަވަނީއޭ!”
“ދެން ހިންޏެއްނު އަންނާނީ.” އައިޝާ އަނެއްކާ ވެސް ހޭންފެށިއެވެ. “ތިހެން ދެރަވެފައި އިންނާކަށް ޝިމާއަކާ ނުވެސް ގުޅޭ. ހުވާ މި ބުނީ، ފަރީޙާގާތުގައި ވެސް ތިވާހަކަ ދައްކާނަން.”
“ޕްލީޒް! އައިޝާ! ސީރިޔަސްވެބަލަ!”
“ފިލްމަށް ވަން ރޭ ހާދަ ގަޓްހުއްޓޭ. ކަމަކާ ޖެހުނީމަ މީހާ ތި އިނީ ގުނބޯލަކަށްވެފަ.”
“އަޅެ ދެން ކޮންމެވެސް އައިޑިއަރ އެއް ދީބަލަ! މި ކަމުން ސަލާމަތްވާން އެބަ ޖެހެއޭ.” ޝިމާނާގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.
“ސާބަސް ޝިމާއަށް! ތީ ސަލާމަތް ނުވެވޭވަރުގެ ކަމެއްތަ؟ ބައްޕައަށާ ނަޖާހަށް ހަގީގަތް ކިޔައިދީފަ ތިކަން ނިންމާލަބަލަ! ހަމަ ތެދެއް މި ބުނި. އަހަންނަކަށް ތިކަމުގަ ސީރިޔަސްއެއް ނުވެވޭނެ.” އައިޝާ ނުހޭން ހުއްޓަސް ހިނިއާދެއެވެ. ޝިމާނާ އިން ގޮތުންނެވެ. އަމިއްލަ އަތުން ކޮނުނު ވަޅަށް ވެއްޓިފައި އިނީމައެވެ.
“މައްސަލައަކީ ނަޖާހެއް ނޫން. ބައްޕަ. ބައްޕަ ނަޖާހަށް މާ ބޮޑަށް ލައިކްވަނީ. ރެސްޓޯރެންޓުން ނިމިގެން ގެއަށް އައިއިރު، ނަޖާހު ގެއަށް ނުގެނައިމަ، އެ ކަމާ ވެސް ބައްޕަ ޝަކުވާކުރި. އެހައި ހިސާބުގަ ބައްޕަ ހުއްޓާ، ކިހިނެއް ނަޖާހުގެ ގާތުގައި ޙަޤީޤަތް ހާމަކުރާނީ؟ އެކަމާއޭ މި ބޯ ގޮވަނީ.”
“ދެން ފައިރޫޒު ގާތުގައި މިހާރު ތި ވާހަކަ ބުނެފިން؟”
“ނުބުނަން.” އަވަސް އަވަހަށް ޝިމާނާ ބޯ ހޫރައިލިއެވެ. “ކެރޭނެތަ ބުނަން؟ މަށަށް ހީވަނީ މި ދަންތުރާގަ އެންމެ ފަހުން ރަނގަޅަށް އަހަރެން މި ޖެހުނީހެން.”
“ކީއްވެ ތިހެން ތި ބުނީ؟”
“ބައްޕައަކީ ނިކަން ފާޑެއްގެ މީހެއް. މީހާ އަނދައި ހުލިވާއިރު ވެސް ބުނެފި ބަހެއްގަ ހިފަހައްޓާނެ.”
“އަސްލުވެސްތަ؟” އައިޝާގެ މޫނުމަތިން ފުރަތަމަ ފަހަރަށް ސީރިޔަސްކަމުގެ ކުލަ ފާޅުވިއެވެ. “އެހެންވިއްޔާ ތީ ސީރިޔަސް މައްސަލައެއް.”
“ބޮޑު ކަމެއް އެ ނަޖާހަކާ ހެދި. އެ ރޭ ފިލްމަށް ނުދެވުނުނަމައޭ މިހާރު ހިތަށް އަރާ.” ޝިމާނާ އިނީ ކޮޅުމަގަށް އަރާފައެވެ.
އިރާކޮޅުގެ ވަގުތެވެ. ނަޖާހު އޮތީ އޭނާގެ ކޮޓަރީގައެވެ. އަށް ފޫޓު ދިހަ ފޫޓުގެ އެ ކޮޓަރީގައި، ނަޖާހުގެ ހިމާޔަތުގައި ވަނީ، ތެޅިގަލުން ރާނާފައި ހުރި ހަތަރު ފާރާއި ހާމައަށް ފެންނާން އޮތް ދުވަސްވީ ޓިނު ފުރާޅެވެ. ފާރުތަކުގެ ކުލަ މަރުވެފައި ހުރި ގާތަކާއި، ދަބަރަށް ޖާގަހިފާފައި ހުރި ޓިނު ފުރާޅު، މި އުދާސްކޮޓަރިން މިންޖުވެވޭނެ ދުވަހަކަށް އިންތިޒާރުކުރަމުން ގެންދެއެވެ.
ނަޖާހު އޮތީ ގަޑިއަށް ބަލަބަލައެވެ. 6:45 ހިނގާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އެ ގަޑިއަށް މަންމަ ފަރާތު ބޮޑުދައިތަ ބޫތުދޮށަށް އަންނާނެއެވެ. މަންމަ ބަލިކޮށް އުޅޭތީ، ބުތާ ހަމައަށް އާދެވޭވަރެއް މިހާރު މަންމައަކަށް ނުވެއެވެ. އެހެންކަމުން މަންމަގެ ހާލު ބަލައި ކަންކަން ކުރަނީ، ބޮޑުދައިތައަށް ގުޅައިގެންނެވެ.
ގަޑިން 6:45 ހިނގުމާއެކު ނަޖާހު ގުޅިއެވެ. އެ ކޮޅުން ފޯނު ނެގީ ބޮޑުދައިތައެވެ. ބޮޑުދައިގެ ވާހަކައިން ނަޖާހުގެ ހިތަށް ތަދުވިއެވެ. މަންމަގެ ބަލިހާލު، އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދާ ވާހަކަ ބުނުމުންނެވެ. އެހެންކަމުން ނަޖާހު ގަސްތުކުރީ، އެންމެ އަވަހަށް އަންނަ އޮޑިއަކުން، މަންމަ މާލެއަށް ގެންނާށެވެ. އޭނާ ފިޔަވައި މަންމައަށް އެހީތެރިވާނެ މީހަކު ނުހުންނާނެއެވެ. ބައްޕަ ވަނީ މީގެ ދިހަވަރަކަށް އަހަރު ކުރީން، ދުނިޔެ ދޫކޮށްފައެވެ. މަންމައާއި ބައްޕައަށް ފަސް ކުދިން ލިބުނެވެ. ނަޖާހަކީ އެންމެ ހަގު ދަރިފުޅެވެ. ދޮށްޓަށް ލިބުނު ހަތަރު ބެއިން، ޅަފަތުގައި ދުނިޔެ ދޫކުރީއެވެ.
ބޮޑުދައިތަގެ ފޯނުކޯލަށްފަހު، ނަޖާހު ގުޅީ ޝިމާނާއަށެވެ. ހިތަށް ލިބުނު ނުތަނަވަސްކަން ކުޑަކޮށްލައި، ފިނިކަމެއް ހޯދައިލުމަށެވެ. ޝިމާނާގެ އަޑު ޖެހުނަސް، އޭނާގެ ހިތަށް އުފާވެރިކަން ލިބޭނެއެވެ. އެހެންނަމަވެސް ތިންހަތަރު ފަހަރު ގުޅުމުން ވެސް، ޝިމާނާ ފޯނެއް ނުނެގިއެވެ. އެހެންކަމުން ކޮޓަރި ތެރޭގައި ހުރި ކުޑަކުޑަ ފާޚާނާގަނޑަށް ވަދެ، ޖަގަށް ފެންފޮދެއް އަޅައި، މޫނު ދޮވެލައި ހަދާލައިގެން އޭނާ ނިކުތީ ބޭރަށެވެ.
ކޮޓަރިން ނިކުތުމާއެކު، ތެތް ވައިރޯޅިއެއް އައިސް ނަޖާހުގެ މޫނުމަތީގައި ފިރުމައިލިއެވެ. އެހެން ރޯޅިއެއް އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. ނަޖާހުގެ ހިތަށާއި ހަށްޓަށް ލުއިވިއެވެ. އެ ކޮޓަރިން ނިކުންނަ ކޮންމެ ފަހަރަކު އޭނާއަށް މި ފިނިފިނި އިޙުސާސް ކުރެވެއެވެ.
އޭނާ ހިނގައިގަތީ ޝިމާނާމެންގެއާ ދިމާއަށެވެ. ޝިމާނާގެ ސޫރަ ދެކެލާހިތުންނެވެ. އެހެންޏާ ޝިމާނާ އޮފީހަށް ދާ ވަގުުތު އޭނާއަށް ޝިމާނާ ފެނެއެވެ. މިހާރު އެ ނަސީބެއް ނުލިބެއެވެ. ޝިމާނާ ހަމަ ގަސްތުގައި އޮފީހަށް ދާ މަގު ބަދަލުކޮށްލީއެވެ. ނަޖާހު އެކަން ވެސް ބަލައިގަތީ، ފަހި ވިސްނުމަކުންނެވެ. ނުތަންވަޅުވެގެން އޮފީހަށް ދާއިރު ވެސް، ނަޖާހު ފެނިއްޖެއްޔާ މަޑުކޮށްނުލައެއް ޝިމާނާއަކަށް ނުދެވޭނެއެވެ. އެހެން މަޑުކުރަން ފަށައިފިއްޔާ ގިނަ ދުވަސްދުވަހު އޮންނާނީ ގަޑިޖެހިފައެވެ. އެހެންކަމުން އެ ކަމާ ބެހޭގޮތުން އޭނާ ޝިމާނާގާތު ހޭ ވެސް އަހައި ނުލައެވެ.
ނަޖާހު އައިސް މަޑުކޮށްލީ ޝިމާނާމެންގޭ ދޮރާށި ދޮށަށެވެ. ދޮރާށި ހުޅުވާލައިފައި ވަންނާން ހިތަށް އެރިއެވެ. އެހެނަސް އަތަކަށް ހަރަކާތެއް ނައެވެ. އިރުކޮޅަކު ހުރެލައިފައި، ޖީބުން ފޯނު ނަގައި ޝިމާނާއަށް ގުޅާލިއެވެ. ދެފަހަރު ގުޅުމުން ވެސް ޝިމާނާ ފޯނެއް ނުނެގިއެވެ. ޝިމާނާއަށް އަނެއްކާ ނިދުނީ ބާވައެވެ؟ ނޫނީ ފޯނު ބާއްވާފައި ތަނަކަށް ދިޔައީ ބާވައެވެ؟ ލަދު ކަނޑާލައިފައި ގެއަށް ވަންނާންވީ ބާވައެވެ؟ ހަދާނޭ ގޮތަކާމެދު ފިކުރުކުރާން ހުއްޓާ، ނަޖާހަށް ފެނުނީ އިޤުބާލު އައިސް ކައިރިއަށް މަޑުކޮށްލިތަނެވެ.
“ދަރިފުޅާ! ކީއްވެ ބޭރުގައި ތިހިރީ؟” ދަރިފުޅާއޭ ކިޔައި އިޤުބާލު ގޮވައިލުމުން ނަޖާހުގެ ހިތަށް ވަރަށް ތަފާތު އަސަރެއް ކޮށްފިއެވެ. ކުޑައިރު ބައްޕަ ނިޔާވެފައިވާތީ، އިޤުބާލުގެ ދުލުން ދަރިފުޅާއޭ ކިޔައި ގޮވާލި އަޑު އިވުމުން، އުފަން ބައްޕަގެ ހަނދާންތައް އޭނާގެ ހިތުގައި އާވެގެން ދިޔައެވެ. އިޤުބާލާ ދިމާއަށް އޭނާއަށް ބަލައިލެވުނީ، ފެންކަޅިވެފައިވާ ދެ ލޮލުންނެވެ.
“ކޮބާ ޝިމާނާ؟” ނަޖާއަށް އައި ބަދަލު، އިޤުބާލަށް ފާހަގަކުރެވުނުހެނެއް ހިއެއް ނުވެއެވެ.
“ނޭނގެ. ދެ ފަހަރަކަށް ގުޅާލައިފިން. ފޯނެއް ނުނަގާ.”
“ހިނގާ އެތެރެއަށް! ތިހެން ބޭރުގަ ހުންނާކަށް ނުވާނެ”
އިޤުބާލުގެ ފަހަތުން ނަޖާހު ހިނގައިގަތެވެ. ދޮރޯށި ހުޅުވާލައިފައި އިޤުބާލު ވަނުމުން، ނަޖާހު ވެސް ފަހަތުން ވަނެވެ. އެއީ އެ ގެއަށް އޭނާ ވަން ފުރަތަމަ ފަހަރެވެ. އެއީ ވަރަށް އާދައިގެ ގޮތަކަށް ހުރި ދުވަސްވީ ގެއެކެވެ. ސިޓިންރޫމުގައި އަޅާފައި އޮތީ ތަރާފަލެވެ. އެއް ފަރާތުގައި ދުވަސްވެ، ބާވެފައިވާ ސޯފާއެއް ހުއްޓެވެ. 14 އިންޗީގެ ފޮށިގަނޑު ޓީވީއެއް މޭޒުމަތީގައި ހުއްޓެވެ. އެހެންނަމަވެސް ސިޓިންރޫމުން ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ.
“އިށީނދޭ!” ސޯފާއަށް އިޝާރާތްކުރަމުން، އިޤުބާލު ގޮސް ޓީވީ ހުޅުވާލިއެވެ. އޭރު ޓީވީން އަންނަނީ ކުޑަކުދިންގެ އަރަބި ޕްރޮގްރާމެއް ކަމަށްވާ “އިފްތަހިއްޔާ ސިމްސިމް”އެވެ.
“ތިގޮތަށް އައިސް ބޭރުގަ ދެން ނުހުންނައްޗޭ! މީ ދެން ދަރިފުޅުގެ ވެސް ގެ ކަމަށް ބަލަންވާނީ. މީހަކު ނުބުންޏަސް އައިސް ވަނީމަ ރަނގަޅުވާނެ.”
“ކޮބާ ޝިމާނާ؟” ނަޖާހު ބޭނުންވަނީ ޝިމާނާ ފެންނާށެވެ.
“ކޮޓަރީގަހެން ހީވަނީ. ބަދޫރާ! ބަދޫރާ!” އިޤުބާލު ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. “މީނީ ނަޖާހު އައިހޭ. ކޮބާ ޝިމާނާ؟”
“އައިޝާމެންނާއެކު ބޭރަށް ދިޔައީ. މިހާރު އަންނާނެހެން ހީވަނީ.” ކޮޓަރީ ދޮރު ހުޅުވައިލަމުން، ބަދޫރާ ބޭރަށް ބޯ ދިއްކޮށް ނަޖާހާ ދިމާއަށް ބަލައިލިއެވެ.
“އެ މަންޖެ އަންނަންދެން މަޑުކޮށްލާނީ ދޯ؟” އިޤުބާލު ބަލައިލީ ނަޖާހާ ދިމާއަށެވެ. “ބަދޫރާ! ނަޖާހަށް ކޮންމެވެސް އެއްޗެއް ހަދާލަބަލަ!”
“ނޫނޭ! މި ގަޑީގަ ދެން އެއްޗެއް ހަދާނެކަމެއް ނެތް.” ނަޖާހު އިނީ ލަދުގެންފައެވެ. އިޤުބާލު މާ ވަރަކުން އުޅޭތީއެވެ.
“ކޮބާ ދެން ކިހިނެއް ކަންތައްތައް؟
“ރަނގަޅު.” ނަޖާހު ގަޑިއަށް ބަލައިލިއެވެ. ނުވައެއްް ޖަހާންވާއިރަށް އޮލިމްޕަހަށް ދާންޖެހޭތީއެވެ. އެހެންނަމަވެސް އަދި ވަގުތު އެބަ އޮތެވެ.
“މި ރޭ ދެ ކުދިން ތަނަކަށް ދާންތަ ތި އުޅެނީ؟”
“ޝިމާނާ ދަންޏާ، ކުޑަ ވަގުތުކޮޅަކަށް ނިކުމެލަންކަމަށް.”
“އެ މަންޖެ ދާނެ. ހިޔެއް ނުވޭ ދެން މާ ލަސްވެދާނެ ހެނެއް.” އިޤުބާލު އިނީ ނަޖާާހާއެކު ޝިމާނާ ބޭރަށް ފޮނުވާން ބޭނުންވެފައެވެ. “ދަރިފުޅު ތީ ކޮން ގެއެއްގެ ކުއްޖެއް؟”
އިޤުބާލުގެ އެ ސުވާލާއެކު، ނަޖާހަށް އިޤުބާލުގެ މޫނަށް ބަލައިލެވުނެވެ. ސުވާލުގެ ނަޒަރަކުންނެވެ. ރަށުގެ ވާހަކަ ނާހައި، ގޭގެ ވާހަކައިން ސުވާލުކުރީމައެވެ. އެހެންނަމަވެސް އެ ސުވާލަށް ޖަވާބެއް ދިނުމުގެ ކުރީން، ކަންފަތުގައި ޖެހުނީ، ގަމީހުގެ ޖީބުގައި އޮތް އިޤުބާލުގެ ނޮކިޔާ ފޯނު ރިންގުވާންފެށި އަޑެވެ. އިޤުބާލު އަވަސް އަވަހަށް ފޯނު ނެގިއެވެ.
“ހަލޯ!…… އާނ،…… ގޭގަ މި އުޅެނީ……… ޢިޝާގެ ފަހަށް ހަދަންވީނު……… މައްސަލައެއް ނެތް. ކިހިނެއްވީ؟ ………. އަނެއްކާ؟” އިޤުބާލުގެ އަޑާއި ރާގު ބަދަލުވިއެވެ. “އެކަމަކު މިހާރު ވެސް ކިރިޔާ މި އުޅެލެވޭވަރު ވަނީ. ތިހެން ހެދީމަ ވަރަށް ދަތިވާނެ!”
ފޯނު ބޭއްވިއިރު އިޤުބާލުގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. ކަންބޮޑުވުމުގެ ނިޝާންތައް މޫނުމަތި ވަނީ ހިޞާރުކޮށްފައެވެ. އެއްޗެއް ނުބުނެ އިސްޖަހައިލައިގެން އިރުކޮޅަކު އިނދެފައި، އިސްއުފުލައި ނަޖާހުގެ މޫނަށް ބަލައިލިއެވެ.
“މީ މައްސަލައަކީ.” އިޤުބާލަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
“ކިހިނެއްވީ؟” ކަމެއް ގޯސްވިހެން ހީވެގެން ނަޖާހަށް އަހައިލެވުނެވެ.
“މި ގޭ ވެރިމީހާ އެ ގުޅީ. އަނެއްކާ ވެސް ކުލި ބޮޑުކުރަންވީޔޯ! އެންމެފަހުން ކުލި ބޮޑުކުރިފަހުން އަދި ނުވާނެ ހައެއްކަ މަސް ވެސް. ކިހިނެއް މިވަރުން އުޅޭނީ؟”
“ބައްޕަމެން ވެސް ކުޔައްތަ ތި އުޅެނީ؟” ނަޖާހަށް ހީކުރެވިފައި އޮތީ، ޝިމާނާއަކީ މާލޭ ކުއްޖެއް ކަމަށެވެ. ޝިމާނާއާ ކައިވެނިކުރާ ހިސާބުން، އޭނާގެ ކުލީ ކޮޓަރީގެ ދިރިއުޅުމަށް ނިމުން އަންނާނޭ ކަމަށެވެ.
“ބައްޕަމެން ކަހަލަ ރަށްފުށު މީހުން އުޅެން ޖެހޭނީ ކުއްޔަކަށްނު. ދަރިފުޅުމެންނަށް އެ ނަސީބު…”
އިޤުބާލުގެ ޖުމުލަ މެދުކެނޑުނީ، ދޮރޯށި ހުޅުވުނު އަޑަށެވެ. އިޤުބާލާއި ނަޖާހަށް އެކުގައި ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. ފެނުނީ ޝިމާނާ ވަދެގެން އަންނަ ތަނެވެ. ޝިމާނާގެ ސޫރަ ފެނުމާއެކު، ނަޖާހުގެ ކަޅި އެ ދިމާއަށް ހުއްޓުނެވެ. ކަޅިޖަހައިނުލައި ބަލާން ފެށުނެވެ. މޫނުމަތި އަލިވެ އުޖާލާވެގެން ދިޔައެވެ. އިސްއޮބާލައިގެން އައި ޝިމާނާއަށް ނަޖާހު ފެނުނީ ގެއަށް ވަންފަހުންނެވެ. އެ ގޮތަށް ނަޖާހު ގޭގައި އިނދެފާނޭ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެހެންކަމުން ނަޖާހު ފެނުމާއެކު އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.
“ދަރިފުޅާ! ކޮންތާކުން ތި އައީ؟”
“އައިޝާމެންގެއިން”
“ނަޖާހު އައިސް އިންނަތާ ހާދަ އިރެއް ވެއްޖޭ. ތަނަކަށް ދާއިރު ނަޖާހު ގާތު ބުނެލަންވާނެ. އެއީ ރީތި ގޮތަކީ.”
“އެއީ އެއްވެސް މައްސަލައެއް ނޫން.” ނަޖާހުގެ ކަޅި އަދިވެސް ހުއްޓިފައި ހުރީ ޝިމާނާގެ މޫނަށެވެ.
“ނަޖާހު އެ އިންނަނީ، ދަރިފުޅާއެކު ބޭރަށް ދާން ވެގެން. ދޯ ނަޖާހު.”
އާނ، ޝިމާއަށް ދަތި ނޫނިއްޔާ ހިނގާ ނިކުމެލަން”
“ވަރަށް ވަރުބަލި މިރޭ. ފަޔަށް ވެސް އެބަ ތަދުވޭ!” ނަޖާހާއެކު އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ޝިމާނާ ބޭނުމެއް ނޫނެވެ.
“އެހެންވިއްޔާ ރެސްޓް ކޮށްލާ! އެހެން ރެއަކުން ދެން ދާނީ.” ނަޖާހު ތެދުވިއެވެ.
“ދަރިފުޅާ!” އިޤުބާލަށް މަޑުން އިންނާކަށް ފަސޭހައެއް ނުވިއެވެ. “ތިހެން ހެދީމަ ކިހިނެއް ވާނީ؟ ނަޖާހު އެވަރުން އައިމަ ތިގޮތަށް ފޮނުވާލާކަށް ނުވާނެއެއްނު!”
“އޯކޭވާނެ ބައްޕާ! ޝިމާ މި ރޭ އެހެރީ ވަރަށް ވަރުބަލިވެފަ. މާދަމާ ރޭ ވެސް ދެވިދާނެ. ދޯ ޝިމާ!”
ގެއިން ނިކުތުމަށް ނަޖާހު ހިނގައިގަތީ ހިތާ ދެކޮޅަށެވެ. އޭނާގެ ހިތް އެދެނީ ޝިމާނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މަންމަ ބަލިވެ އުޅޭ ވާހަކައާއި މަންމަ މާލެއަށް ގެންނަން ގަސްތުކުރާ ވާހަކަ ވެސް ބުނާށެވެ. އެހެންނަމަވެސް ޝިމާނާގެ މޫނުމަތިން ފެނުނު ވަރުބަލިކަމާއި އަރާމްކޮށްލަން ބޭނުންވެފައި ހުރި މިންވަރު ފެނިފައި، އޭނާ ހިތާ ދެކޮޅަށް އެ ފިޔަވަޅު އެޅީއެވެ.
މާޔޫސްވެފައިވާ ހިތަކާއެކު، ނަޖާހު ގެއިން ނިކުމެއްޖެއެވެ. އުފަލުން ތެޅިތެޅި އޮތް ހިތަކާއެކު، ޝިމާނާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކަރު އެލުވައިލައިގެން ހުރެ، އިޤުބާލު ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ. އޭރު ބަދޫރާ ހުރީ އިސްތިރިކުރާށެވެ.
ނިތްމަތީގައި އަތް ބާއްވާލައިގެން އޮތް އިރު، އިޤުބާލުގެ ސިކުނޑި ވަނީ ޝަކުވާއިން ފުރިފައެވެ. ޝިމާނާ ކަންތައްކުރި ގޮތުންނެވެ. އެގޮތަށް ނަޖާހާމެދު ޝިމާނާ ކަންތައް ކޮށްގެން ނުވާނެއެވެ. އެއީ ޝިމާނާއަށް ހެދޭ ގޯހެކެވެ. ވަރަށް ބޮޑު ގޯހެކެވެ. އެ ގޮތަށް ކަންތައްކުރާން ފަށައިފި ނަމަ، ޝިމާނާ މަތިން ނަޖާހު ފޫހިވެދާނެއެވެ. އިސާހިތަކު ޝިމާނާ ބާކީވެދާނެއެވެ. ހަތް ބުރި އިމާތާތް އަތުން ބީވެދާނެއެވެ. ނަޖާހު ބޭނުން ނަމަ، ޝިމާނާ ކަހަލަ އެތައް ކުއްޖަކު އޭނާއަށް ލިބިދާނެއެވެ. ޝިމާނާއަށްވުރެ މާ ރީތި ކުދީން ވެސް ލިބޭނެއެވެ. މާ ޤަދަރުވެރި ކުދިން ވެސް ލިބޭނެއެވެ. މި ކަންކަމާމެދު ވިސްނާނުލައި، ޝިމާނާ އުޅޭން ފަށައިފި ނަމަ، އޭނާ ވާނީ މޮޔައަކަށެވެ. ނަސީބު އަތުގައި ހިފީމާ ފޮޅުވައިލި ކަނޑުކޮހަކަށެވެ.
“ކޮންކަމަކާ މާ ފިކުރު ބޮޑުވެފަ ތި އޮތީ؟”
“ޝިމާނާ އުޅެން މި ދިމާކުރަނީ ކޮން ފާޑަކަށްތަ؟” އިޤުބާލު ފުންމައިގެން ތެދުވިއެވެ. އޭރު އޭނާގެ މޫނުމަތީން ފެންނާން ހުރީ ރުޅިވެރިކަމުގެ ރަތްކުލައެވެ.
“ކިހިނެއްވީ އަނެއްކާ؟” ބަދޫރާ ހުރީ ވާނުވާ ނޭނގިފައެވެ.
“މި ރޭ ވެސް ނަޖާހު އައިމަ، އެ އެއްޗެކޭ މި އެއްޗެކޭ ކިޔާފައި، އެ ސޮރު އެެ ފޮނުވައިލީ. އަޅެ މަ ރުޅި މަޑެއް ނޫންތަ؟”
“މަޑު. ވަރަށް މަޑު. އެކަމަކު ޝިމާނާ ކަންކުރި ގޮތެއް ވެސް މަށަކަށް ގޯހެއް ނޫން!” ބަދޫރާއަކަށް އެކަން މައްސަލައަކަށް ނުވިއެވެ.
“ގޯހެއް ނޫނޭ؟” އަކުރުތަކަށް ދަމައިލަމުން އިޤުބާލު ސުވާލުކުރިއިރު، އޭނާގެ ދެ ލޯ ހުރީ، ދެ ކާށިކިބައަށް ވެފައެވެ. “ބަދޫރާމެންނަށް ގޯހަކަށް ވަނީ ކިހައި ވަރެއްވީމާތަ؟”
“އިޤުބާލު! ނިކަން ހަމަޖެހިބަލަ!”
“ހަމަޖެހެވޭތަ؟ ހުރިހައި ގޭނުމެއް ގޭނެންޖެހޭ މީހަކީ މަށޭ!” އިޤުބާލުގެ ރުޅި އައީ ގަދަވަމުންނެވެ.
“ހަމަނުޖެހެންވެންޏާ ދެން ތެޅިފޮޅޭންވީނު!” ބަދޫރާގެ އަޑު ވެސް ބާރުވިއެވެ. “އަޅެ މީހަކު ހައިރާނެއް ނުވާނެތަ؟ އިޤުބާލު ތި އުޅެނީ އެ މަންޖެ ނީލަމަށް ލާންތަ؟ ނޫނީ ވިޔަފާރި މުދާގަނޑަކަށް ހަދައިގެންތަ؟”
“ކިހައި ރަނގަޅު! އެންމެ ފަހުން މަށެއްނު މި ގޯސްވީ. ބަދޫރާއަށް ކީއްވެތަ ނުވިސްނިގެން ތި އުޅެނީ؟ ތި ނާށިގަނޑުގެ ތެރޭގައި އޮތީ، ގަނޑު ރަބަރުގަނޑެއްތަ؟ ނޫނީ ބޮލާކީނި ގުޅައެއްތަ؟” ޝަހާދަތް އިނގިލީގެ ކުރި، ބަދޫރާގެ ބޮލުގެ ފުށްކިބައިގައި ޖައްސަައިލިއިރު، އިޤުބާލުގެ ދެ ދަތްޕިލަ ހުރީ ބާރުވެފައެވެ.
“މި އުޅެނީ މަށަށް ނުވިސްނިގެނެއް ނޫނޭ! މި އުޅެނީ އިޤުބާލަށް ވިސްނޭލެއް ބޮޑުވެގެން. އެއީ ވެގެން މި އުޅޭ ގޮތަކީ. އެނގިއްޖެ؟”
“ހިތުން މަލާމާތް ދޯ ތި ކުރީ؟”
“މަށެއް އިޤުބާލަކަށް މަލާމާތެއް ނުކުރަން. ނުވެސް ކުރާނަން! އެކަމަކު ތިހެން އުޅުނީމަ އިޤުބާލަށް މަލާމަތްކުރާނެ މީހުން މި ދުނިޔޭގައި ވަރަށް ގިނަވާނެ! ލިބުނު އެންމެ އަންހެން ދަރިއަކު ބޮޑުވެ ފުރާވަރަށް އެރީމަ، ބަފަޔަކު އުޅެންޖެހޭ ގޮތަކަށް ނޫން ތި އުޅެވެނީއެއް.”
“ކިހިނެެއްތަ މަ މި އުޅެނީ؟”
“ހިލޭ ފިރިހެނަކާއެކު އެ މަންޖެ ބޭރަށް ނުފޮނުވިގެންނު ތި އުޅެނީ.”
“އެހެންވިއްޔާ މީހަކާ ހިތާނުވެ ގޭގަ އިންނަންވީނު!” އިޤުބާލުގެ އަޑު ވެސް މަޑެއް ނޫނެވެ.
“އިޤުބާލަކަށް ނުވިސްނޭނެ! ނިކަން ތި އެނދުމަތީގައި މަޑުމަޑުން އިނދެ ފުންކޮށް ވިސްނައިލަބަލަ! ތި ނަޖާހަކީ ކޮންކަހަލަ އުޅުމެއް ހުރި މީހެއްކަމެއް، މަށަކަށް ވެސް އިޤުބާލަކަށް ވެސް އަދި އެނގެނީއެއް ނޫން! ނަޖާހު ބޭނުންވާ ކޮންމެ ފަހަރަކު، ތި ގޮތަށް އެ ކުއްޖާ ބޭރަށް ފޮނުވައި، ބޭނުންކަމެެއް ކުރަން ފުރުސަތު ފަހިކޮށްދޭން ފަށައިފިއްޔާ، ވަރަށް ފަސޭހައިން އޮންނާނީ ކަތި ފިޔަވަޅު އެޅިފަ. އެ މީހުން ބޭރަށް ދާން އުޅޭ ފަހަރުފަހަރު ވެސް، އަހަރެމެން ޖެހޭނީ އެކަން މަނާކުރާ ބަޔަކަށް ވާން. އެއީ ރަނގަޅު ގޮތަކީ.”
އިޤުބާލު މި ފަހަރު ރައްދުގައި އެއްޗެއް ނުބުނެއެވެ. ބަދޫރާއާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި، ގޮސް އެނދުގައި އިށީނދެ، ދެ އަތުން ބޮލުގައި ހިފަހައްޓާލައިގެން ހަނުހިމޭނުން އިނީއެވެ. އިޤުބާލު ވިސްނާނޭ ވަރަކަށް ވިސްނާން ފުރުސަތު ދީފައި، ބަދޫރާ ވެސް އިސްތިރިކުރާން ހުރީއެވެ.
“މި ކަހަލަ ވާހަކަ މަށަށް މި ދެއްކެނީ ސަބަބެއް ނެތިއެއް ވެސް ނޫން!” އިރުކޮަޅަކު އިނދެފައި، ފުން ނޭވާއަކަށްފަހު އިޤުބާލު ވާހަކަ ފެށިއެވެ. އެހެންނަމަވެސް މި ފަހަރު އޭނާގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. “މީގެ ކުޑައިރުކޮޅެއް ކުރީން ނިިޒާރު ގުޅާފަ އެ ބުނީ، އަނެއްކާ ވެސް ގޭގެ ކުލި ބޮޑުކުރި ވާހަކަ. މި ފެށޭ މަހުން ފެށިގެން، ހަތް ހާސް ރުފިޔާ ދޭންޖެހޭނެޔޯ. މުސާރަ އެއްކޮށް ކުއްޔަކަށްނު އެ ދިޔައީ. މި ވަރުން ކިހިނެއް އަހަރެމެން ކަހަލަ މީހުން ދިރިއުޅޭނީ؟ މި ކަންކަމާ ވިސްނަ ވިސްނާ ބޯ ގޮވަނީ.”
“އެހެންނަމަވެސް ހިލޭ ފިރިހެނުންނާ އެ މަންޖެ ދޯޅުކުރުވަން ނޫޅޭ! އެއީ ވަރަށް ކަމުނުދާ ކަމެއް.”
“ނަޖާހު ކަހަލަ، މާލޭގައި ގެދޮރުހުރި، ރަނގަޅު ކުއްޖަކު އެ މަންޖެގެ ހަޔާތުން ބީވެދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުން މަށަށް މިހެން މި ވާހަކަ މި ދެއްކެނީ.”
“އެ މަންޖެ ދެކެ ތެދުވެރި ލޯތްބެއް ނަޖާހު ވަންޏަކާ، ތިހެނެއް ނުވާނެ!”
“މި ޒަމާނުގެ ކުދީންގެ ވިސްނުމާއި ފިކުރު ހުންނަގޮތެއް ބަދޫރާއަކަށް ނޭނގޭނެ!”
“އާނ! އިޤުބާލު ކަހަލަ މި ޒަމާނުގެ ކުދީންނަށް، މި ޒަމާނުގެ ކުދީންގެ ވިސްނުމާއި ފިކުރު ހުންނަ ގޮތް އެނގޭނީ.” ސަމާސާ ކޮށްލުމުގެ ގޮތުން ބަދޫރާ ހީނލާފައި ބުންޏެވެ.
“މި ފަހަރު ހަމަ ގައިމުވެސް މަށަށް މަލާމާތް ތިކުރީ” އިޤުބާލުގެ ގާތަށް ވެސް އައީ ހިންޏެވެ. “ބަދޫރާ އެ މަންޖެއާ ވާހަކަ ދައްކާތި! ބުނޭ ޖަވާހިރެއް ލިބުނީމަ އެ ރައްކާކޮށްގެން ގެންގުޅެން އެނގެންވާނޭ. ޖަވާހިރުގެ އަގު ވަޒަންކުރާނީ ގެއްލުނީމައެއް ނޫނޭ ވެސް ބުނާތި!”
“ތި ހުރިހައި ވާހަކައެއް ދައްކާން ހަދާނެކަމެއް ނެތް. އެ ދެ ކުދީންގެ ކައިވެނި އަވަސްކުރަންވީ. އޭރުން ހުރިހައި ކަމެއް ހުންނާނީ ހައްލުވެފަ. މިހާރު ޝިމާނާއަށް ވެސް އެހެރީ އޮނަވިހި އަހަރު ފުރިފަ.”
ބަދޫރާގެ އެ ވާހަކައާއެކު، އިޤުބާލުގެ ތުންފަތްމަތީގައި ލުއިލުއި ހިނިތުންވުމެއް ދުވެލިއެވެ. ބޯ ޖަހައިލީ، ތީ ވަރަށް ރަނގަޅު ޚިޔާލެކޭ ބުނެލައި ކަހަލަ ގޮތަކަށެވެ.
މެންދަމުގެ ބާރައާ ދިމާއަށް ގަޑީގެ ކަށި ފިޔަވަޅު އަޅަމުން ދެއެވެ. ގޭތެރޭގައި ވަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ފަންގިފިލާގައި، މަޑު ރާގަކަށް އެނބުރިއެނބުރި ހުރި ފަންކާއާ ދިމާއަށް ބަލަހައްޓައިގެން އޮތް ޝިމާނާގެ ލޮލާ، ނިންޖަކާ އެއްވެސް ގުޅުމެއް ނެތެވެ. އެނދުމަތީގައި އޭނާ އެހެން އޮންނަތާ ގަޑިއެއްގެ އިރަށްވުރެ ގިނަ އިރު ވެއްޖެއެވެ. ނިދާން ބޭނުންވެ ނުނިދިފައި އޮއްވައެވެ. އޭނާގެ ސިކުނޑީގައި ވަނީ ތޫފާނެއް އުފެދިފައެވެ. މި ރޭ މި ވަނީ ފުރަތަމަ ހަމަލާ އޭނާގެ ސިކުނޑިއަށް ފޯރާފައެވެ. ދިޔައީ ފިންދުނި ކާއްތާލައިފައެވެ. ނަސީބުގައި ތަން އޮތީތީ ބޮޑުކަމަކަށް ނުވީއެވެ.
ޝިމާނާ ނިދާން އޮށޯތީ ދިހަގަޑިބައި އެހައިކަންހައި އިރުއެވެ. އޭނާ އޮތީ ކައިރީގައި ފޯނު ބާއްވައިގެންނެވެ. ފައިރޫޒުގެ އިންތިޒާރުގައެވެ. އެހެންނަމަވެސް ފައިރޫޒަށްވުރެ ކުރީން ގުޅީ ނަޖާހެވެ. ޝިމާނާ ގަސްތުގައި ނުނެގީއެވެ. އެ ފޯނުގައި އޮއްވާ ފައިރޫޒު ގުޅައި ވެސް ފާނެތީއެވެ. ފައިރޫޒުގެ ފަރާތުން ސުވާލެއް އަތުވެދާނެތީއެވެ.
ނަޖާހުގެ ކޯލު ކެނޑުމާއެކު ޝިމާނާއަަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނޫނެކެވެ. އެ ނޭވާއިން ލެވުނީ ބަޔެވެ. އަނެއްކާ ވެސް ނަޖާހު ގުޅާން ފަށައިފިއެވެ. ޝިމާނާއަށް ދަތްކުނޑި ވިކައިގަނެވުނެވެ. މިއީ ދެން ކިހައި ބޮޑުވެއްޖެ ކަމެއްހޭ ހިތަށް އެރިއެވެ. ނުރުހުމާއި ނުތަނަވަސްކަމުގެ ތެރޭގަައި ޝިމާނާ ބާއްވައިގެން، ފުލުފުލުގައި ހަ ފަހަރު ނަޖާހު ގުޅިއެވެ. ޝިމާނާ ފޯނެއް ނުނަގައެެވެ.
ނަޖާހުގެ ކޯލުތަކުގެ ސިލްސިލާ މެދުކެނޑުނީ، ފައިރޫޒުގެ ފޯނުކޯލާއެކުގައެވެ. ޝިމާނާ އަަވަސްއަވަހަށް ފޯނު ނެގިއެވެ. އެއާއެކު ފުރަތަމަ ވެސް ކުރިމަތިލާން ޖެހުނީ، ފައިރޫޒުގެ ސުވާލާއެވެ. ލައިން ބިޒީވުމުންނެވެ. ކުޑަ ވަގުތުކޮޅަކަށް ޝިމާނާގެ ބަސް ހުއްޓުނެވެ. އަނގަ އޮޅުނެވެ. ކުއްލިއަކަށް ދޭނެ ޖަވާބެއް ނޭނގިގެންނެވެ. އަޅައަޅައިގަންނަމުން ބުނެވުނީ، ނުދަންނަ ނަންބަރަކުން ގުޅީ ކަމަށެވެ. ދޮގެއް ހަދައިގެން ވެސް ސަލާމަތްވާން އޭނާ ބޭނުންވެއެވެ. ފައިރޫޒުގެ ނުރުހުން ލިބޭން ނޭދޭތީއެވެ.
ޝިމާނާގެ އެ ޖަވާބާ ގުޅިގެން އިތުރު ސުވާލެއް ފައިރޫޒު ނުކުރެއެވެ. އެކަމާ ގުޅޭގޮތުން ބަހެއް ވެސް ނުބުނެއެވެ. ޝިމާނާ ބުނި ވާހަކަ އޭނާ ގަބޫލުކުރިކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ. ވާހަކަ ދެއްކީ ޝަކުވާއެއް ނެތިއެވެ. ނުރުހުމުގެ ރާގަކާ ނުލައެވެ.
ޝިމާނާގެ ހިތުގެ ނުތަނަވަސް ކަމަކަށް ލުއިކަމެއް ނުލިބެއެވެ. އޭނާއަށް އިހުސާސްކުރެވެނީ ކުށްވެރިއެއްގެ އިހުސާސެވެ. އޭނާއަށް މި ވަނީ ކުށް ކުރެވިފައެވެ. ފައިރޫޒަށް ނާންގާ، ހިލޭ ފިރިހެނަކާ އެބަ ވާހަކަ ދެކެވެއެވެ. ތަންތަނަށް ދެވެއެވެ. ހިތާ ދެކޮޅަށް ނަމަވެސް އެކަންކަން އެބަ ކުރެވެއެވެ. މި ރޭ އެންމެ ފަހުން ފައިރޫޒަށް ދޮގެއް ވެސް ހެދުނީއެވެ. އެއީ މި ވީ ތަނަށް ދުވަހަކު ވެސް އޭނާ ކުރިކަމެއް ނޫނެވެ. ކުރާން ވިސްނާފައި އޮތް ކަމެއް ވެސް ނޫނެވެ. ކުރިއަށް އޮތީ އަނެއްކާ ކޮން ކަހަލަ ދުވަސްތަކެއް ބާވައެވެ؟ ހަފުތާއެއްހައި ދުވަސް ފަހުން ފައިރޫޒު އެނބުރި މާލެ އަންނާނެއެވެ. އެހައިތަނުން ދެން ކަންތައް ވާނީ ކިހިނެއް ބާވައެވެ؟ ނަޖާހު މިހާރު އެ ހުރީ ގެއަށް މޫލާފައެވެ. ޝިމާނާ ބޭނުންވަނީ ނަޖާހު އެ ހުރި މަޤާމަށް، ފައިރޫޒު ގެންނާށެވެ.
ޝިމާނާގެ ލޮލާ ނިންޖާ ގުޅުން ކެނޑިގެން މި އުޅެނީ، މި ފަދަ ޚިޔާލުތަކެއް އޭނާ ފިއްތަމުން ގުޅަވަށަމުން ގެންދާތީއެވެ. އެހެންކަމުން އެ ރޭ އޭނާއަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ. ފަތިހު ހޭލިިއރު، ބޮލަށް ވަނީ ބަރުވެފައެވެ. އޮފީހަށް ދާން ތައްޔާރުވެގެން ނިކުތްއިރު ބަދޫރާ އުޅެނީ ބަދިގޭގައި ސައިތައްޔާރުކުރާށެވެ.
ޝިމާނާ ސައިހަދަން ހުއްޓާ، ބަދޫރާ އައިސް އޭނާގެ ގާތަށް ހުއްޓުނީ، ބޮޑު ވާހަކައެއް ބުނާން ބޭނުންވެެގެން ހުއްޓޭ ކަހަލަ ގޮތަކަށެވެ. އޭނާ އެ އުޅެނީ ޝިމާނާގެ ގާތުގައި ކައިވެނީގެ ވާހަކަ ދައްކާށެވެ. އެއީ އޭނާ ދައްކާން ބޭނުންވާ ވާހަކައެއް ނޫނެވެ. ޝިމާނާ މީހަކާ ދެވާން އަތުކުރި އޮޅާލައިގެން ނިކުުތުމަކީ، އޭނާ ކުރާން ބޭނުންވާ ކަމެއް ނޫނެވެ. ޝިމާނާގެ ކައިވެންޏަކީ ޝިމާނާގެ ޙައްޤެކެވެ. އެކަން ކުރާނެ ދުވަހަކާއި ވަގުތެއް ކަނޑައަޅާނީ، ޝިމާނާއާއި އޭނާގެ ބައިވެރިޔާއެވެ. އެހެންނަމަވެސް ބަދޫރާގެ އެ ގަބޫލުކުރުމާ ދެކޮޅަށް މިއަދު ފިޔަވަޅު އަޅާން މަޖުބޫރުކުރީ، އިޤުބާލުގެ ވިސްނުމާއި ފިކުރެވެ. އޭނާގެ އަމަލުތަކެވެ. އެހެންކަމުން މިހާރު ބަދޫރާ ވެސް ބޭނުންވަނީ ވިހައިވެސް އަވަހަށް ޝިމާނާއާއި ނަޖާހުގެ ކައިވެނި ކުރުވާށެވެ.
“މަންމަ އެއްޗެއް ބުނާން އުޅޭހެން ހާދަ ހީވޭ.”
“އެއްޗެއް ބުނާށޭ މި އުޅެނީ.” ކާމޭޒުކައިރީގައި އިށީންނަމުން ބަދޫރާ ބުންޏެވެ. “ތި ސައިތަށި ހިފައިގެން އައިސް މިތާ އިށީނދެބަލަ!”
ތެޅިތެޅި އޮތް ހިތަކާ ޝިމާނާ އައިސް ގޮނޑިއެއް ދަމާލައިފައި މޭޒުކައިރީގައި އިށީނދެއްޖެއެވެ. އޭނާގެ ހިތް ބުނަމުން ދަނީ، މަންމަ ދައްކަން އެ އުޅެނީ، ރޭގެ ވާހަކަ ކަމަށެވެ. ރޭ ނަޖާހާއެކު ބޭރަށް ނުދިޔައިމާ، ބައްޕަ ކޮންމެވެސް އެއްޗެއް ކިޔައިގެން އެ ވާހަކަ ކަމަށެވެ.
“މީ މަންމައާއި ބައްޕަގެ ފަރާތުން ބުނާ ވާހަކައެއް! އެނގޭ ދަރިފުޅުމެންގެ އަމިއްލަ ކަމެއްގެ ތެރެއަށް ވަދެވެނީކަން ވެސް. އެހެންނަމަވެސް މިހާލަތަށް ބަލާއިރު، މި ނޫންގޮތެއް ވާކަށް ނެތް. ވީ އެންމެ އަވަހަކަށް ދަރިފުޅާއި ނަޖާހާ ކައިވެނިކުރަން އުޅޭ!”
މަންމަގެ ފަހު ޖުމުލަ އިވިފައި، ޝިމާނާއަށް ލިބުނު ކުއްލި ސިހުމާއެކު ފުންމައިގެން ތެދުވެވުނެވެ. އަތުން ޖެހިފައި ކައިރީގައި ހުރި ސައިތަށި ނުވެެއްޓުނީ ވެސް ކިރިޔާއެވެ. މަންމަގެ ދުލުން ބޭރުވި އެ ޖުމުލައަކީ، މަންމަ ބުނެފާނޭކަމަށް އޭނާ ހީކުރި ޖުމުލައެއް ނޫނެވެ. އޭނާއަށް ބުނާނޭ އެއްޗެއް ނޭގިފައި ހުއްޓާ، މަންމަ ދައްކަންވި ވާހަކައެއް ދައްކާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ސައިތަށިން އެންމެ ކޯވަރެއް ވެސް ޝިމާނާއަކަށް ނުބޮވުނެވެ. އެ ހުރި ފިޔަވަޅުމަތީގައި ހުރެހުރެފައި، އެންމެފަހުން ސައިތަށި ގެންގޮސް ސިންކަށް އަޅައިލުމަށްފަހު ގެއިން ނިކުތީއެވެ. އޭނާގެ ބޯހާސްވެ، ސިކުނޑިއަށް ވަނީ ބަރުވެފައެވެ. އޮފީހަށް ގޮސް ވަންއިރު، އޭނާގެ ބޯމަތީގައި ހައެއްކަ ހަންދަރު ބަހައްޓާފައި ހުރި ކަހަލައެވެ.
އޮފީހުގައި ވެސް ޝިމާނާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ކަމެއް ކުރާހިތް ނުވެފައެވެ. ވިސްނެނީ މަންމަ ދެއްކި ވާހަކައާ މެދުގައެވެ. ނަޖާހާ އޭނާ ކައިވެނިކުރާނީ ކިހިނެއް ހެއްޔެވެ؟ ނަޖާހުދެކެ އޭނާ ލޯބިނުވާތާނގައި އިންތިހާއަށް ފޫހިވެއެވެ. އަނެއްކޮޅުން ފައިރޫޒާ ނުލައި އޭނާއަކަށް ދިރިއެއް ނުހުރެވޭނެއެވެ. ފަރިރޫޒުގެ އެއްވެސް ކުށެއްެނެތި އޭނާ ދޫކޮށްލާފައި އެހެން މީހަކާ ކައިވެނިކުރާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ހިތުގައި ކޮޅުފައިން ޖަހާފައި، އެހެން މީހެއްގެ ހިތުގައި ފިރުމައިލަ ފިރުލައިމަ އިނުމަކީ އިންސާފެއް ނޫނެވެ.
މޭޒުދޮށުގައި ހުއްޓުން އަރާފައި ޝިމާނާ އިންދާ، އޭނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ޝިމާނާ ފޯނުނެގިއެވެ.
“ކޮން ދުނިޔެއެއްގަ ތި އުޅެނީ؟” ޝިމާނާ ހަލޯއޭ ބުނުމާއެކު އިވުނީ ފަރީޙާގެ އަޑެވެ.
“އޮފީހުގަ މި އިނީ. ފަރީޙާ ކޮންތާކު؟”
“ގޭގަ. ކަންތައް ވަރަށް ގޯސްވެގެން އުޅޭ ވާހަކަ އައިޝާ ބުނި. ތެދެއްތަ؟”
އާނ، ގޯސްވާނީ ދެން މިހައިކަންހައި ވަރަށް.” ޝިމާނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“ކިޔައިދީބަލަ!” ފަރީހާ ބޭނުންވަނީ ޝިމާނާގެ ފުށުން އޮޅުންފިލުވާށެވެ.
“ކީކޭ ކިޔާނީ ވެސް. މިއަދު އެންމެފަހުން މަންމަ ބުނެފި ނަޖާހާ އިންނާށޭ!”
“އެން؟ ކީކޭ؟ ނަޖާހާ އިންނާށޭ؟ ސަމާސާކުރަނީތަ؟” ފަރީޙާއަކަށް ގަބޫލެއް ވެސް ނުކުރެވުނެވެ.
“ސަމާސާއެއް ނޫން! ހަމަ ހުވާކޮށްފަ މި ބުނި.” ޝިމާނާގެ އަޑުގައި ވަނީ ރިހުން އުފެދިފައެވެ.
“ދެން؟ ދެން ފައިރޫޒު؟” ފަރީހާއަށް ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.
“ނޭނގެ ދެން ހަދާނެ ގޮތެއް ވެސް.” ޝިމާނާގެ އަޑު ތުރުތުރު އަޅަންފެށިއެވެ.
“ކީއްވެތަ ކުއްލިއަކަށް ކައިވެންޏާހަމައަށް ތި ދިޔައީ؟”
“މަށަށް ހީވަނީ މީ ބައްޕަގެ ކަންތައްހެން. ނަޖާހާ ހެދި ބައްޕަ ހުންނަނީ ފާޑަކަށް މޮޔަވެފަ. މަށަކަށް ނޭނގެ އެ ނަޖާހަކު، އެ އުޅެނީ ބައްޕައަށް ކޮން ފަދަ ސިހުރެއް ހަދައިގެން ކަމެއް ވެސް.”
“ބައްޕަގާތުގައި ބުނެބަލަ ނަޖާހުދެކެ ލޯތްބެއް ނުވެއޭ!”
“ލާހިކެއް ނޫން! ބައްޕަ ބޭނުންވާ ކަމަކާ ދެކޮޅު ހަދައިފިއްޔާ ކަންތައް ވަރަށް ބޮޑުކޮށްލާނެ!”
“ދެން މަންމައަށް ޙަޤީޤަތް ކިޔައިދޭންވީނު.”
“ފާޑުފާޑުގެ ޑްރާމާކުޅެފަ ކެރޭތަ ކިޔައިދޭން. އެ ކަހަލަ ކަމެއް މަ ކުރިކަން އެނގިއްޖެއްޔާ މަންމަ ވަރަށް ރުޅި އަންނާނެ. އެންމެފަހުން ކިހައި ބޮޑު ކެއްސެއް މަށަށް މި ލިބުނީ!”
“އެކަމަކު ތިހެން ތިކަން ވެގެން ނުވާނެ!” ފަރީޙާއަކަށް ވެސް އެކަން ބަލައެއް ނުގަނެވެއެވެ.
“ދެން ކިހިނެއްތަ ހަދާނީ؟”
“ނަޖާހު އާންމުކޮށް ގުޅާ ގަޑިއަށް ފޯނު ނިވާލާފައި ބާއްވަންވީނު.”
“ފޯނު ނިވާލައިފައި އޮތިއްޔާ ދެން އަންނާނީ ގެއަށް. ބައްޕަ ހުންނާނީ އޭނާއަށް މަރުހަބާ ކިޔަން ތައްޔާރަށް.”
“ހަމަޖެހޭ! މަ މޮޅު ގޮތެއް ވިސްނާނަން! އެއްގޮތަކަށް ވެސް ނަޖާހާ ކައިވެނިކޮށްގެން ނުވާނެ! އެއޮއް ފަދަ ފައިރޫޒު ހުއްޓާ ތި ކަހަލަ ކަމެއް ކުރެވިގެން ނުވާނެ!”
ފަރީހާ ފޯނު ބޭއްވީ ނަޖާހުގެ ކިބައިން ސަލާމަތްވެވޭނެ މަގެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން އެ ކޯލު ނިންމާފައި ފޯނު ބޭއްވިއިރު، ޝިމާނާގެ ބޮލަށް ވަނީ ކޮންމެވެސް މިންވަރަކަށް ލުއިވެފައެވެ. ހިތަށް ހަމަޖެހުމެއް ލިބިފައެވެ. އޭނާ އޮފީހުގެ މަސައްކަތަށް އެނބުރުނީ އުއްމީދަކާއެކުގައެވެ.
އިރާކޮޅުގެ ވަގުތެވެ. އިޤުބާލު މިސްކިތުން ފައިބައިގެން އައިސް ގެއަށް ވަދެ، ސިޓީންރޫމުގައި ޖައްސާލިއެވެ. މާ ގިނައިރެއް ނުވެ، ދޮރޯށި ހުޅުވާލައިފައި ވަންތަން ފެނުނީ ނަޖާހެވެ. ނަޖާހު ފެނުމާއެކު އިޤުބާލު ހިނިތުންވެލިއެވެ. އަވަހަށް އަންނާށޭ ކިޔައި، އަތުން އިޝާރާތްކޮށްލިއެވެ.
ނަޖާހު އައިސް އިށީންނުމާއެކު، އިޤުބާލު ފެށީ ކައިވެނީގެ ވާހަކައެވެ. މާ ގިނަ ދުވަސް ނުކޮށް ކައިވެނިކުރަން އެދޭ ވާހަކައެވެ. މި ވާހަކަތައް އަޑުއަހަން ނަޖާހު އިނީ، އުފަލުން ފޮޅިފައިވާ ހިތަކާއެކުގައެވެ. އެއީ އޭނާ ވެސް ބޭނުންވާ ގޮތެވެ. ކައިވެނި ނުކޮށް ގިނަ ދުވަސްކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެ ވާހަކަ އިސްވެ ފަށާން ނުކެރިފައި ހުއްޓާ، އިޤުބާލު އެ ވާހަކަ ފެށުމުން އޭނާއަށް ލިބުނީ، ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
“އަހަރެން ވެސް ބޭނުންވާ ގޮތަކީ ތީ. އެކަމަކު ޝިމާގެ ޚިޔާކެއް ވެސް ހޯދަންވާނެ!” އިޤުބާލުގެ ވާހަކަތައް އަޑުއަހާން އިނދެފައި ނަޖާހު ބުންޏެވެ.
“މަންމަ ލައްވާ އެ މަންޖެއާ މިއަދު ވާހަކަ ދައްކައިފިން. ދަރިފުޅުގެ ގޭ މީހުންނާ ވާހަކަ ދައްކާފަ މި މަހުގެ ކޮންމެވެސް ތާރީޚެއް ހަމަޖައްސާ!”
“ޝިމާ ކޮބާ؟” ލިބުނު އުފަލެއްގެ ބޮޑުކަމުން ނަޖާހަށް އަހައިލެވުނެވެ. އޭނާ މިހާރު ބޭނުންވަނީ، އެ އުފާވެރި މޫނާއެކު ޝިމާނާއާ ބައްދަލުވެލާށެވެ. ހަތަރުކަޅި ހަމަކޮށްލާށެވެ. ހިނިތުންވެލައިގެން ހުރެ ވާހަކަ ދައްކައިލާށެވެ.
“އެބަ އުޅޭ! ގުޅައިލަބަލަ!”
“ފޯނު ނިވާލައިފަ އޮތީ.”
“އެހެންތަ؟ ކޮޓަރީގައި ހެން ހީވަނީ. ގޮވައިލާންވީ ދޯ!”
އިޤުބާލު ތެދުވެގެން ހިނގައިގަތީ، ޝިމާނާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރުގައި ދެ ފަހަރަކު ޓަކި ޖަހައިލުމާއެކު ދޮރު ހުޅުވައިފިއެވެ. އޭރު ޝިމާނާގެ މޫނުމަތީން ފެންނާން ހުރީ މާޔޫސްކަމެވެ. ކަންބޮޑުވުމެވެ. އެހެންނަމަވެސް މިއިން އެއްވެސް ކުލައެއް އަސަރެއް އިޤުބާލަކަށް ފާހަގައެއް ނުކުރެވެއެވެ.
“ދަރިފުޅާ! ކީއް ތި ކުރަނީ؟”
“ނަމާދުކޮށްލައިގެން އޮތީ.” އޭނާ އެ އޮތީ ބޮލުގައި ރިއްސާތީއެވެ.
“ނަޖާހު އެބަ އިން އައިސް. ރީތިވެލައިގެން އަވަހަށް ނިކުމޭ!”
އިޤުބާލު ދިޔުމާއެކު ޝިމާނާއަށް ރޮވުނެވެ. އޭނާ ކޮޓަރީ ދޮރުލައްޕާފައި، ގޮސް އެނދުމަތީގައި ބަނޑުވަތަށް އޮށޯތެވެ. ބޭނުންވަނީ ހިތް ފުރޭންދެން ރޮއިލާށެވެ.
ނަޖާހު އިނީ ޝިމާނާ ފެންނާނެ އިރަކަށް ކެތްމަދުވެފައެވެ. މިއަދު އަދި އޭނާއަކަށް ޝިމާނާގެ މޫނެއް ނުފެނެއެވެ. އޭނާގެ ދެ ލޯ އަބަދު އެދިއެދި ހުންނަނީ ޝިމާނާގެ ސޫރައަށެވެ. އެ ދެ ލޯ އެހެން އެއްޗެއް ދެކޭކަށް ބޭނުމެއް ނުވެއެވެ. އެެހެން ކޮންމެ އެއްޗަކީ އެ ދެ ލޮލަށް ބޭކާރު އެއްޗެކެވެ. ޝިމާނާގެ ރީތި ސޫރަ ފެންނަ ކޮންމެ ފަހަރަކު އެ ދެ ލޮލަށް ދިރުންލިބެއެވެ. އެސްފިޔަ ޖަހާލަން ވެސް ބޭނުންނުވެއެވެ. ކައިވެނީގެ ވާހަކަ އިޤުބާލު ބުނި ސިކުންތުން ފެށިގެން، ޝިމާނާއަށް ޓަކައި އޭނާގެ ދެ ލޯ ކުރާ އިންތިޒާރު އެތައް ހާސް ގުނައަކަށް ވަނީ އިތުރުވެފައެވެ.
ނަޖާހު ހީކުރީ އިޤުބާލުގެ ފަހަތުން ޝިމާނާ އަންނާނޭ ކަމަށެވެ. އެހެންކަމުން އިޤުބާލު އައިސް އިށީންނުމާއެކު، ޝިމާނާ ކޮބައިތޯ އަހައިލެވުނެވެ.
“އެބަ އާދޭ!” ސޯފާގައި ޖައްސައިލަމުން، އިޤުބާލު ހިނިތުންވެލިއެވެ. “ޢާއިލާގެ މީހުންގެ ގާތުގައި ކައިވެނީގެ ވާހަކަ މި ރޭ ދައްކާންވާނެއެއްނު!”
“މަންމަ ގާތުގައި މިހާރު ވެސް ބުނެފަ އޮންނާނީ، މީހަކާ އިންނަން އުޅޭ ވާހަކަ.”
“އެހެންތަ؟ މަންމަ ކީކޭ ބުނީ؟” ހިނިއައިސްފައި އިނދެ، އަވަސް އަވަހަށް އިޤުބާލު އަހައިލިއެވެ.
“މަންމަ ވަރަށް އުފާވި. މަންމަ ދުނިޔޭގައި އިންދާ، އަހަރެން މީހަކާ އިންނަން މަންމަ ވަރަށް ބޭނުންވާނެ. މާދަރިއަކު އުރާލައި ހިތް ވެސް ވަރަށް ބޮޑަށް ވާނެ.” އިސްދަށަށް ޖަހައިގެން އިނދެ، ނަޖާހު ވާހަކަ ދެއްކިއެވެ.
“މަންމައާއި ބައްޕަގެ ހުންނަނީ ނަޖާހު އެކަނިތަ؟”
“އާނ! އެހެން ކުއްޖަކު ނުހުރޭ.”
ނަޖާހުގެ އެ ޖުމުލައާއެކު އިޤުބާލަށް އަނގަ ކައިލެވުނެވެ. ހިތްދިރުވައިލެވުނެވެ. ނޭނގި ހުއްޓާ އައިސް އަތުގައި މި ހިފީ، ކޮންފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟ ނަޖާހަކީ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިއެވެ. އެ އެ އަގުބޮޑު ދަރި، އޭނާގެ އާއިލާއާ ގުޅުނީއެވެ. މާލޭން ބޮޑު ބިމެއްގެ ނަސީބުވެރިއަކަށް އޭނާގެ ނިކަމެތި އަންހެން ދަރިވީއެވެ. އޭނާ ބޭނުންވީ ވަގުތުން ޝިމާނާ ގާތަށް ދާށެވެ. އެ މަންޖެ އުރައިލާށެވެ. ތީ މި ބައްޕަގެ ޙަޤީޤީ ދަރިއެކޭ ބުނެލާށެވެ.
“ކައިވެނީގެ ކުރީން ދެ އާއިލާ ބައްދަލުވެލާން ވެސް ވާނެއެއްނު. މި ކަހަލަ ކަމެއް ނިންމާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވެ، ރައްޓެހިކަން ވެސް އޮންނާންވާނީ އުފެދިފަ.” އިޤުބާލުގެ ހިތަށް ލިބިފައިވާ އުފާވެރިކަން، އޭނާގެ މޫނުމަތީންނާއި ދެ ލޮލުން ފާޅުވާން ހުއްޓެވެ.
ނަޖާހުގެ ތަނަވަސްކަމާ ގުޅުވައިގެން އިޤުބާލު ފޮނި ހުވަފެންތައް ދެކެމުންދިޔަ ނަމަވެސް، ނަޖާހުގެ ސިކުނޑީގައި މުގޯލިއަޅަނީ ޝިމާނާއެވެ. އޭނާގެ ހުރިހައި އިންތިޒާރެއް ގުޅިފައިވަނީ ޝިމާނާއާއެވެ. ޝިމާނާ އަންނާނޭ ވަގުތަކަށެވެ. އޭނާގެ ހިތް ބުނަނީ، ދެން މާ ގިނައިރެއް ނުވެ ޝިމާނާ ފެނުމުގެ ނަސީބު އޭނާއަށް ލިބިދާނޭ ކަމަށެވެ. އެހެންނަމަވެސް ޙަޤީޤަތަކީ، ޝިމާނާ އަދި ވެސް އޮތީ އެނދުމަތީގައެވެ. ދެ ލޮލުން ފައިބާ ކަރުނަތައް ފޮހެލަމުން، އޭނާ ތެދުވެ ފޯނު އޮންކޮށްލިއެވެ. ފުރަތަމަވެސް އައީ ނަޖާހުގެ މިސްކޯލު މެސެޖެވެ. ބަލައިލިއިރު އަށާރަ ފަހަރު ނަޖާހު ގުޅާފައި އޮތެވެ.
ޝިމާނާ އަވަސް އަވަހަށް ފަރީޙާއަށް ގުޅައިލިއެވެ. އޭނާގެ ސިކުނޑި ވަނީ، ވަރުބަލިވެފައެވެ. އެ ސިކުނޑިއަކަށް އެކައްޗެއް ވެސް ނުވިސްނެއެވެ. އޭނާ ފަރީޙާއަށް ގުޅީ، ޚިޔާލަކަށް އެދި އާދޭސްކުރާށެވެ. ރަނގަޅު ޚިޔާލެއް ދޭނަމޭ ބުނެފައި އޮތީމައެވެ.
ދެތިން ރިންގާއެކު ފަރީޙާ ފޯނު ނެގިއެވެ. އޭނާ ރޮވިފައި އިނދެ، ނަޖާހު އައިސް އިން ވާހަކައާއި ބައްޕަ އައިސް ނަޖާހުގެ ގާތަށް ދާން ބުނި ވާހަކަ ބުނެ، ދެން ހަދާންވީ ގޮތުގެ ޚިޔާލަކަށް އެދުނެވެ.
“މަށަށް ފެންނަނީ ލަދު ކަނޑާލައިފައި، ހުރިހައި ވާހަކައެއް މަންމައަށް ކިޔައިދޭން. ބުނޭ ނަޖާހަކީ ބިޓެއް ނޫނޭ. މަންމަމެންނަށް ތި އުޅެނީ އޮޅިގެންނޭ. ކިތަންމެ ރުޅި އަޔަސް މިހާރު ދެން ޙަޤީޤަތް ހާމަކުރާން ތި އޮތީ ޖެހިފަ.” ފަރީޙާ ވިސްނައިލުމަށްފަހު، އޭނާއަށް ފެންނަ ލަފާ ދިނެވެ.
“ފަރީއަށް ކެރޭނެތަ މަންމައަށް ގުޅާފައި ތި ވާހަކަތައް ކިޔައިދޭން؟”
“އާނ! ތިހިސާބަށް ކަންތައް ދިޔައިމަ ނުކެރި ހުރެގެން ވާނެތަ؟ މުސްކުޅިން ބުނެއެއްނު، ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ. ގެނޭ ނަންބަރު!”
ޝިމާނާ ފޯނު އޮންކުރި މެސެޖު އައުމުން، ނަޖާހު އިނީ ފޯނު ނަގައިގެން އެއަށް ބަލާށެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ، ޝިމާނާ އެ އުޅެނީ ތައްޔާރުވެގެން ކޮޓަރިން ނިކުންނާށެވެ. ފޯނު އޮންކުރީ އެހެންވެއެވެ.
“ބައްޕަ އުޅެނީ ވަޒީފާއެއްގަތަ؟” އިޤުބާލުގެ ސުވާލު ނަޖާހަކަށް ނީވުނެވެ.
“ދަރިފުޅާ!”
“ކީކޭ ބައްޕާ!” ނަޖާހު ކުޑަކޮށް ސިހިފައި އިޤުބާލާ ދިމާއަށް ބަލައިލިއެވެ.
“ބައްޕަ ބުނީ ދަރިފުޅުގެ ބައްޕަ އުޅެނީ ވަޒީފާއެއްގަހޭ؟ ނޫނީ ވިޔަފާރިއެއް ކުރަނީހޭ؟”
“އަހަރެން ވަރަށް ކުޑައިރު ބައްޕަ ވަނީ މަރުވެފަ.” ނަޖާހުގެ އަޑުގައި ހިތާމައިގެ ރަހަ ހިފިއެވެ.
“އެހެންތަ؟” އެ ސުވާލު ކުރެވުނީތީ އިޤުބާލު ދެރަވިއެވެ. “ބައްޕަ ހީކުރީ…” އިޤުބާލު ބުނަން އުޅުނު ޖުމުލަ ނުބުނެ ހުއްޓާލީ ނަޖާހަށް އަސަރުކޮށްފައި އިނީމައެވެ.
“ބައްޕަ ދުނިޔޭގައި ހުރިކަމަށް ދޯ ހީކުރީ.” އިޤުބާލު ބުނާން އުޅުނު ޖުމުލަ ނަޖާހު ފުރިހަމަކޮށްލިއެވެ. ހިނިތުންވެލަމުންެނެވެ. “މަންމައާއި އަހަންނާ އެކަނި ތިބީ. މަންމަ ވެސް މިހާރު އުޅެނީ ވަރަށް ބަލިވެ. ނުވެސް ތެދުވެވޭ.”
“އެހެންތަ؟ ކިހިނެއްވީ؟”
“މުސްކުޅި ބަލި. އެހެންވެ މިހާރު މި އުޅެނީ ޑޮކްޓަރަށް ދައްކައިލާން މާލެ ގެންނަންވެގެން.”
“މާލެ ގެންނާށޭ؟” އިޤުބާލުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ބޮޑު ސުވާލުމާކަކުން މުޅި މޫނުމަތި ފުރުނެވެ. “މަންމަ އުޅެނީ މާލެއަކު ނޫންތަ؟ ރާއްޖޭން ބޭރުގަ؟”
“ބައްޕަ ދައްކާ ވާހަކަ.” ނަޖާހުގާތަށް ހިނިއައެވެ. އޭނާ ހީކުރީ އިޤުބާލު ހަމަ ގަސްތުގައި ސަމާސާއެއް ކޮށްލީ ކަމަށެވެ. “މަންމަ އުޅޭނީ ރަށުގައެއްނު. ރާއްޖޭން ބޭރުގަ އުޅެވޭނީ…”
“ނަޖާހު ތީ މާލޭ މީހެއް ނޫންތަ؟” ނަޖާހުގެ ޖުމުލަ މެދުކަނޑައިލަމުން، އަވަސްއަވަހަށް އިޤުބާލު އެހިއެވެ. އޭރު އޭނާގެ ދެ ބުމަ ވަނީ ގޮށްޖެހި ބާރުވެފައެވެ. ކަޅި ހުއްޓިިފައި ހުރީ ނަޖާހުގެ މޫނަށެވެ.
“އާނ! އަހަންނަކީ ވެސް ހަމަ ބައްޕަމެން ކަހަލަ ރަށްފުށު މީހެއް.”
“ދެން…؟ ދިރިއުޅެނީ؟” އިޤުބާލުގެ އަޑާއި ރާގު ބަދަލުވަމުން ދިޔައެވެ.
“ކުޑަ ތަންކޮޅެއް ކުއްޔަށް ނަގައިގެން.”
އިޤުބާލުގެ ބަސް ހުއްޓުނެވެ. ހިތް ތެޅެން ފެށިއެވެ. އާދަޔާޚިލާފަށް ބާރަށެވެ. ނާރުތަކުގައި ދައުރުވަމުން ދާ ލޭގެ ހިނގުން ވަނީ، އިންތިހާއަށް އަވަސްވެފައެވެ. އިސާހިތަކުން މުޅި ހަށިގަނޑުން ދާތިކިތައް ނިކުމެ، ހަށިގަނޑު ތެންމާން ފެށިއެވެ. ދެ އަތް މުށްކެވި، ތުރުތުރުއަޅާން ފެށިއެވެ. އިރުކޮަޅަކުން ފެނުނީ، އިށީނދެ އިން ގޮނޑިން ފުންމައިގެން ތެދުވިތަނެވެ. ދުރުދުރުގައިި ފިޔަވަޅުއަޅަމުން، އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ނަޖާހަށް އިނދެވުނީ ވާނުވާ ނޭނގިފައެވެ.
ނަމާދުކޮށް ނިމިގެން ކޮޓަރީގައި ފުނާއަޅަން ބަދޫރާ ހުއްޓާ، ކުއްލިއަކަށް ދޮރުހުޅުވާލައިފައި އިޤުބާލު ވަދެއްޖެއެވެ. ހީވީ ތަނެއް ސުންނާފަތިކޮށްލަން މީހަކު އައިސް ވަންހެނެވެ. ބަދޫރާއަށް ސިހިފައި އަވަސްއަވަހަށް ބަލައިލެވުނެވެ. ފެނުނީ މުޅިން ތަފާތު އިޤުބާލެކެވެ. މޫނުމަތި ހުރީ ރަތްވެފައެވެ. ދެ ލޯ ބޮޑުވެ، ނޭވާ ކުރުވެފައެވެ.
“ދޮގު ނުހަދާ ރަނގަޅަށް ބުނާތި! ނަޖާހަކީ މާލޭ މީހެކޭ ޝިމާނާ ބުނިތަ؟” އިޤުބާލުގެ ހަށިގަނޑެކޭ އެއްފަދައިން، އޭނާގެ އަޑު ވެސް ތުރުތުރުއަޅައެވެ.
“ކިހިނެއްވީ އަނެއްކާ؟” އިޤުބާލަށް ވެފައި ހުރި ވަރު ފެނިފައި، ބަދޫރާއަށް އަހައިލެވުނެވެ. ކޮންމެވެސް ކަމެއް ވަރަށް ބޮޑަށް ގޯސްވެއްޖެކަމުގައި އޭނާގެ ހިތް ބުނެފިއެވެ.
“ވީގޮތެއް ބަލާނެކަމެއް ނެތް. މި ސުވާލަށް ޖަވާބުދީ!” ބަދޫރާއާ ދިމާއަށް ޝަހާދަތް އިނގިލި މަޅައިލަމުން އިޤުބާލު އަމުރުކުރިއެވެ.
“އިޤުބާލު ނިކަން ހަމަޖެހިބަލަ! ކިހިނެއް ވެގެން ތި އުޅެނީ؟” ބަދޫރާ ކަންބޮޑުވިއެވެ.
“މި އަތުގެ ހޫނުކަން ދައްކާނުލަނީސް، މަގޭ ސުވާލަށް ޖަވާބުދީ!” އިޤުބާލު ކަނާތް އުފުލައިލިއެވެ. “ނަޖާހަކީ މާލޭ މީހެކޭ ޝިމާނާ ބުނިތަ؟” އޭނާގެ އަޑުގައި ހަރުކަށިކަން އިންތިހާއަށް އެކުލެވިފައި ހުރި ނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ.
“އާނ! ބުނި މާލޭ މީހެކޭ.”
“ދެން ކީކޭ ބުނީ؟”
“ހަތް ބުރިއަށް ގެ ވެސް ނަގާފައޭ ހުންނަނީ ބުނި.”
“ހުސް ދޮގު! އެއީ ހަމަ ހުސްދޮގު! ނުލަފާ ކުއްޖާގަނޑު!” އިޤުބާލުގެ ދެ ދަތްޕިލަ ޖެހިފިތުނެވެ. “އެ ނަޖާހަކީ އަހުލެއް ވަހުލެއް ނެތް ރަށްފުށު ސޮރުގަނޑެއް! މި ތާ ކުއްޔަށް ތެޅެނީ.” އިޤުބާލު ހުރީ ބުރާންތިވެފައެވެ. “އެ ވަރުގެ ބޮޑު އޮޅުވާލުމެއް ޝިމާނާ އޮޅުވައިލަފާނޭ ކަމަކަށް، މަ ހީ ވެސް ނުކުރަން. ހުރެބަލަ ނިކަން! ކުޅި ދައްކާލާނަން!” އިޤުބާލު ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ބަދޫރާ ހުރީ އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރާފައެވެ.
އެ ހުރި މުރަނަކަމުގައި، އިޤުބާލު އެ ދިޔަ ގޮތަށް ގޮސް، ޝިމާނާގެ ކޮޓަރީ ދޮރު ހުޅުވިއެވެ. ޓަކި ޖަހައިލުމެއް ވެސް ނެތިއެވެ. އޭރުވެސް ޝިމާނާ އޮތީ އެނދުމަތީގައެވެ. ހަދާނޭ ގޮތަކާމެދު ފިކުރުކުރާށެވެ. ފަރީހާ ގުޅާނޭ އިރެއްގެ އިންތިޒާރުގައެވެ. އެހެން އޮއްވާ ކުޅަނދުރަކަށް ވެގެން ބައްޕަ އައިސް ވަނުމުން، ޝިމާނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާގެ މޭ ނެގިނެގިފައި ޖެހެން ފެށީ، ބައްްޕަ ހުރިގޮތް ފެނިފައެވެ. އޭނާގެ ހިތް ވަގުތުން ބުނީ، ނަޖާހުގެ ގާތަށް ނުދިޔުމުން، ބައްޕަގެ ކެތްތެރިކަން ކޮޅުންލީ ކަމަށެވެ.
“ޝިމާނާ ކީއްވެ މައިންބަފައިނަށް ދޮގުހަދަނީ؟” އިޤުބާލުގެ ޝަހާދަތް އިނގިލި ޝިމާނާގެ ލޮލަށް ނުވަނީ ކިރިޔާއެވެ.
“ބޮލުގަ ރިއްސާތީ…” ޝިމާނާއަށް ހީކުރެވުނީ، ބައްޕަގެ އެ ސުވާލަކީ، ނަޖާހުގެ ގާތަށް ނުދިޔުމުން ކުރިމަތިވި ބިރުވެރި ސުވާލެއް ކަމަށެވެ.
“ކީއްވެހޭ ދޮގުހަދަނީ؟” ޝިމާނާގެ ޖުމުލަ މެދުކަނޑައިލަމުން، އިޤުބާލުގެ ސުވާލު ތަކުރާރުކުރީ ކުރިއަށްވުރެ ވެސް ހަރުކަށިކޮށެވެ.
“ދޮގެއް ނަހަދަން ބައްޕާ!” ޝިމާނާ ބިރުގަތްވަރުން ގޮސް ރޮވިއްޖެއެވެ.
“ނަޖާހަކީ މާލޭ ބޭފުޅެކޭ، ގެ ހުރީ މަތިމައްޗަށް ވިލާތަކާ ހަމައަށް ނަގާފައޭ ކިޔައިގެން އަމާގާތުގައި ވާހަކަދައްކައި، ލޮލުގައި އަނދުން އެޅުވުމަކީ ދޮގެއް ނޫންތަ؟”
“ތިހެނެއް ނުބުނަން. ދުވަހަކު ވެސް ނުބުނަން.” ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު، އިޤުބާލާ ހަތަރުކަޅި ހަމަކުރަމުން ޝިމާނާ ރޮއިގަތެވެ.
“ދޮގުގެ މައްޗަށް ދޮގު! ތީ ތަ ދިން ތަރުބިއްޔަތުގެ އަގަކީ؟” ޝިމާނާ އޮތް އެނދުގެ މަގަތުގައި އިޤުބާލު އިށީނނެވެ. އޭރު އޭނާގެ ނޭވާ ހުރީ ކުރުވެފައެވެ. ދާ ތިކިތައް ފައިބައެވެ. “ހަނދާންކުރާތި! މީ އެންމެ ފަހުގެ ނިންމުން! ޝިމާނާއަކަށް ނަޖާހަކާ ނީނދެވޭނެ! މިއަދުން މިއަދަށް، މިހާރުން މިހާރަށް ޖެހޭނީ ތިކަން ހުއްޓާލަން. ރޮއިރޮއި މަރުވިޔަސް މި ނިންމުމެއް ބަދަލެއް ނުކުރާނަން! ރާއްޖެތެރޭ މީހަކާ ޝިމާނާއަކަށް ނީނދެވޭނެ!” އިޤުބާލު ވާހަކަ ދެއްކީ، ޝިމާނާއާ ދިމާއަށް ބަލައި ވެސް ނުލައި އިނދެއެވެ.
ބައްޕަގެ އެ ހަރުކަށި ބަސްތައް ވެގެންދިޔައީ، ޝިމާނާގެ ހިތަށް ލިބުނު ފަރުވާއަކަށެވެ. އިންޒާރުގެ ބަސްތައް އޭނާގެ ކަނިލަމުން ދިޔަ އުއްމީދުގައި އަލިކަން އުފެއްދިއެވެ. މޫނުމައްޗަށް އުޖާލާކަން ވެރިވާންފެށިއެވެ. އޭނާއަށް ވަގުތުން ތެދުވެވުނެވެ. ކުއްލިއަކަށް ހަށިގަނޑުގައި ވަރުޖެހުނުކަމުގެ އިޙުސާސެއް ކުރެވުނެވެ.
“ބައްޕާ!”
މަށާ ދިމާއަށް ބައްޕާއޭ ކިޔައިފައި މީގެ ފަހުން އެންމެ ލަފުޒެއް ވެސް ބުނަންވާނީ، އެ ނަޖާހާ ގުޅުން ކަނޑައިލާފަ.” އިޤުބާލު އަދިވެސް އިނީ ނުވަދިހައިން މަތީގައެވެ.
“ބައްޕާ! ނިކަން ހަމަޖެހިގެން އަހަރެންގެ ވާހަކަ ވެސް އަޑުއަހާބަލަ!” ބައްޕަގެ ވިސްނުން ބަދަލުވެފައި ހުރުމުން، ޝިމާނާއަށް ވެސް ވަނީ، އެ މައުޟޫޢުގައި ބައްޕައާ ވާހަކަ ދައްކާނެ ހިތްވަރު ލިބިފައެވެ. “ބައްޕައަށް ތި އުޅެވެނީ ވަރަށް ބޮޑު ކުށްހީއެއް ކުރެވިގެން.”
“ކުށްހީއެކޭ؟ ބަލަ ނަޖާހު އަމިއްލައަށް ހުރިހައި ކަމަކަށް އިއުތިރާފުވެއްޖޭ. އެއީ ރަށްފުށު މަރުމޯލެއްނު! ގެއެއް ނެތް ތާނގައި، ދިރިއުޅޭނެ ފިޔަފާޅިގަނޑެއް ވެސް މި ތާކު އޭނާގެ ނެތް! މަށަށް ވުރެ ވެސް ހާލު ބޮޑު. އޭނައާ އިނދެފިއްޔާ، އަނެއްކާ އަނެއް ބުރަ މަށަށް އުފުލަން ޖެހޭނީ. އޭނާއާއި އޭނާގެ މުސްކުޅި އަމާ ވެސް މަގޭ ބޮލުގަ އެޅޭނީ. އަދިވެސް މަށަށްތަ އޮޅިގެން މި އުޅެނީ،”
“ޕްލީޒް ބައްޕާ! އަހަރެން މި ކިޔާ އެއްޗެއް ވެސް އަޑުއަހައިލަބަލަ! އަހަރެން ނަޖާހާ އިންނާކަށް ނޫޅެމޭ ބައްޕާ! އެއީ އަހަރެންގެ ހިތުގައި ދުވަހަކު ވެސް އޮތް ކަމެއް ނޫނޭ!” ޝިމާނާގެ އަޑުގައި ތުރުތުރެއް ހުއްޓެއްކަމަކު ހިތްވަރު ހުރިކަން ފާހަގަވެއެވެ.
ޝިމާނާގެ މި ޖުމުލައާއެކު އިޤުބާލުގެ ބަސް ހުއްޓުނެވެ. ފާޑަކަށް ޝިމާނާއާ ދިމާއަށް ބަލައިލެވުނެވެ. ހީވަނީ އިވުނު އަޑާމެދު އިތުބާރު ނުކުރެވިފައި ހުރިހެންނެވެ.
“ކީކޭ؟ ކީކޭ ތި ބުނީ؟” ލޯ ކުޑަކޮށްފައި ޝިމާނާއާ ދިމާއަށް ބަލައިލިއިރު، އިޤުބާލުގެ އަޑުން ހަޅައިގެ އަސަރު ވަނީ ކެނޑިފައެވެ.
“ހަމަ ތެދެއް ބައްޕާ!”
“ދެން…؟ ދެން ކޮން ގަނޑެއް ތި ގަންނަނީ؟”
“އެއީ… އެއީ…”
ނަޖާހު ސިޓިންރޫމުގައި އިނެވެ. އިންތިޒާރުގެ ވަގުތުތައް ދިގުލަމުން ދެއެވެ. އޭނާއަށް އިރުއިރުކޮޅުން ގަޑިއަށް ބަލައިލެވެއެވެ. މޫނުމަތީގައި ނުތަނަވަސްކަމުގެ އޮއިވަރެއް ހިނގާން ފަށައިފިއެވެ. ހިތް ބުނަނީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށެވެ. ޝިމާނާ އޭނާއާ ދުރުހެލިވާން މަސައްކަތްކުރާކަން އޭނާއަށް ފާހަގަކުރެވެއެވެ. އޮލިމްޕަހުން ބައްދަލުވި ރޭ ހުރި ކަހަލަ ގާތްކަމެއް، ލޯބިވެތި ގޮތެއް މިހާރު ނުހުރެއެވެ. އެހެންނަމަވެސް އޭނާ މަސައްކަތްކުރަމުން ގެންދިޔައީ، އެ ނުތަނަވަސް ޚިޔާލުތަކުން ހިތް ސާފުކުރެވޭތޯއެވެ. ކޫސަނި ވަސްވާސްތަކުން ހިތް ސަލާމަތްކުރެވޭތޯއެވެ.
މި ބޭކާރު މަސައްކަތުގައި ނަޖާހު އިންދާ، އިޤުބާލު އައިސް ސިޓިންރޫމަށް ވަދެއްޖެއެވެ. އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ، އިޤުބާލާއެކު ޝިމާނާ އައިތޯއެވެ. އިޤުބާލު އައިސް ހުރީ އެކަންޏެވެ. ޝިމާނާއެއް ނެތެވެ. ޔަޤީނެވެ. ޝިމާނާ އޭނާގެ ގާތަށް އަންނާން ބޭނުން ނުވީއެވެ. ކައިވެންޏާ ދެކޮޅުހެދީއެވެ. އިޤުބާލު އެ އައީ އެތައް ވާހަކައެއް ޝިމާނާއާ ދައްކާފައެވެ. އެތައް އާދޭހެއް ކޮށްފައެވެ. މިތަނަށް ގެނެވޭތޯ ވެސް އެތައް މަސައްކަތެއް ކޮށްފައެވެ.
“ބައްޕާ! ކޮބާ ޝިމާނާ؟” ނަޖާހަށް އަވަސް އަވަހަށް އަހައިލެވުނެވެ. އެ އަޑުގައި ރިހުމެއް އެކުލެވިފައި ހުރިކަން ޚުދު އޭނާއަށް ވެސް ފާހަގައެއް ނުކުރެވެއެވެ.
“ތި ގޮނޑިން ތެދުވެބަލަ!” ނަޖާހާ ތިން ހަތަރު ފޫޓު ފޭގައި ހުރި އިޤުބާލުގެ އަޑުގައި ހުރީ ރުންކުރުކަމާއި ހަރުކަށިކަމެވެ. އެތައް ހާސް ކިލޯމީޓަރެއްގެ ދުރުކަމާއި ބީރައްޓެހިކަމެވެ.
އިޤުބާލުގެ އެ ޖުމުލައާއެކު، ނަޖާހުގެ މޫނުމަތި ސުވާލުމާކުތަކުން ފުރުނެވެ. އެއާއެކު އިޤުބާލުގެ މޫނުމަތީގައި އޭނާގެ ނަޒަރު ތަތްވިއެވެ. އެ ނަޒަރު އޭނާއަށް ދައްކައިދިނީ، ކުރީގެ އިޤުބާލެއް ނޫނެވެ. މުޅިން ތަފާތު ސިފައެއްގައި ހުރި، އެހެން އިޤުބާލެކެވެ. ނަޖާހަށް އިނދެވުނީ، ހުއްޓުން އަރާފައެވެ. ބަސްހުއްޓިފައެވެ. ހަރަކާތް މަޑުޖެހިފައެވެ.
“ތި ގޮނޑިން ތެދުވެބަލަ!” ކުރީން ވެސް ބުނި ގޮތަށް، ހަމަ އެ ރާގުގައި އިޤުބާލުގެ ޖުމުލަ ތަކުރާރުކުރިއެވެ.
“ކިހިނެއްވީ ބައްޕާ!” ނަޖާހު މަޑުމަޑުން ތެދުވިއެވެ.
“ފެނޭތަ ތިހިރަ ދޮރު؟” ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު، ބޭރު ދޮރަށް އިޝާރާތްކުރަމުން، ހަރުކަށި، ރުޅިވެރި ގޮތަކަށް އިޤުބާލު ސުވާލުކުރިއެވެ.
ނަޖާހަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. ކިހިނެއްވީހޭ އަހައިލާ ކަހަލަ ގޮތަކަށެވެ.
“ހަމަ މިހާރު މި ސިކުންތު ތެރޭ، މި ގޭ ހަތަރު ފާރުން ބޭރުވޭ!”
ނަޖާހަށް ހުރެވުނީ، އޭނާގެ ކަންފަތަށް ވަދެގެން ދިޔަ ވިހަ ގަދަ، ތޫނު ޖުމުލައާމެދު ޔަޤީންކަން ކުޑަވެފައެވެ. ކުރިމަތީގައި މި ހުރީ ހަމަ އިޤުބާލު ހެއްޔެވެ؟ އެ އިވުނީ ހަމަ އިޤުބާލުގެ އަނގައިން ބޭރުވި ޖުމުލައެއް ހެއްޔެވެ؟ މިއީ އޭނާއަށް ފެންނަ ބިރުވެރި ހުވަފެނެއް ބާވައެވެ؟ ނޫނީ ޝައިޠާނާ، އޭނާއާ ސަމާސާ ކުރަނީ ބާވައެވެ؟ ނަޖާހުގެ ސިކުނޑީގައި، އެތައް ހާސް ސުވާލެއް އައިސް ބޮނޑިޖެހުނެވެ. އޭނާއަށް ހުރެވުނީ، ދެ ލޯ ބޮޑުވެ، އަނގަ ހުޅުވިފައެވެ. ކަޅި ޖަހާނުލައި ބަލާން ހުރެވުނީ އިޤުބާލުގެ މޫނަށެވެ.
“ހަމަ މިހާރު މި ގޭން ނިކުމެގެން ދާން އުޅޭށޭ! ކީއްވެތަ ބުނާ އެއްޗެހި އަޑު ނީވެނީ؟” އިޤުބާލުގެ އަޑު ބާރުވިއެވެ.
“ކިހިނެއްވީ ބައްޕާ! ކީއްވެ ތިހާ ރުޅިއެއް ތިއައީ؟” ނަޖާހުގެ އަޑު ތުރުތުރުއަޅާން ފެށިއެވެ.
“ވީ ގޮތެއް ބަލާނެކަމެއް ނެތް! ނިކުނާނާށޭ ބުނީމަ، އެ ވީ ނިކުންނަން!” އިޤުބާލުގެ އަޑު މި ފަހަރު ވެސް މަޑެއް ނޫނެވެ.
“ބައްޕާ! އަހަރެން މި ގޭން ނުނެރޭ!” ނަޖާހުގެ އަޑުގައި އާދޭހުގެ ނިކަމެތިކަން އެކުލެވުނެވެ. ދެ ލޯ ފެންކަޅިވިއެވެ.
“މި ގޭން ނުނެރޭށޭ؟ އެހެންތަ؟” އިޤުބާލު އެއްލި އަތުން، ނަޖާހުގެ އަތުގައި ހިފިއެވެ.
ނަޖާހަށް ރޮވުނެވެ. އިޤުބާލުގެ ހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ. ނަޖާހުގެ އަތުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް، ދޮރާށިން ބޭރުކޮށްލައިފިއެވެ. ނަޖާހު އާދޭސްކޮށްކޮށް ހުއްޓާ، ދޮރާށި ލައްޕާ ތަންޑު ވެސް އަޅުވައިފިއެވެ. މި މަންޒަރު ބަލަން ކޮޓަރީ ދޮރުމަތީގައި ހުރި ބަދޫރާއަށް ހުރެވުނީ، ބުނާނޭ އެއްޗެއް ނޭނގިފައެވެ. ހިތަށް އަރަމުން ދިޔައެވެ. މަގޭ ފިރިމީހާ މިހިރަ އުޅޭ ގޮތެކެވެ.
“ބޮޑު ގޯހެއް ނުހިނގަނީސް، މި ކަން އެނގުނީތީ ޙަމްދުކުރަން!” ބަދޫރާއާ ދިމާއަށް ބަލައިލަމުން މިހެން ބުނިއިރު، އިޤުބާލު ހުރީ މަތިނޭވާ ލެވިފައެވެ.
“މަށަށް ވެސް ޙަޤީޤަތް މި އެނގުނީ ދެންމެ. ޝިމާނާއަށް އުޅެވޭ ގޮތުން ވާހައި ކަންކަން މި ހުންނަނީ.” ބަދޫރާގެ ނުރުހުން، ޝިމާނާއާ ދިމާއަށް މިސްރާބުޖެހިއެވެ.
ޝިމާނާ އޮތީ ކޮޓަރީގައެވެ. ގޭތެރޭގައި ހިނގައި ދިޔަ ބިރުވެރި ކަންތައްގަނޑުގެ ސަބަބުން، ދޮރުހުޅުވާލަން ވެސް ނުކެރިފައެވެ. އެހެން އޮއްވާ، އޭނާގެ ފޯނަށް އައީ ނަޖާހުގެ ކޯލެކެވެ. ހަދާނޭ ގޮތެއް ނޭނގި އޮވެފައި، އޭނާ ފޯނު ނެގިއެވެ. އެއާއެކު ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ ރުއިމެއްގެ އަޑެވެ. ނަޖާހު ރޮނީއެވެ.
“ޝިމާ! އަޅެ ކިހިނެއްތަ މި ވީ؟ ބައްޕަ ކީއްވެ އަހަރެންދެކެ އެހައި ރުޅިއެއް އެ އައީ؟” ރޮމުންރޮމުން ނަޖާހު ސުވާލު ކުރިއެވެ.
ޝިމާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކަންފަތުގައި ފޯނު ޖެއްސިގޮތަށް އޮވެވުނީއެވެ.
“ޝިމާ! އަޅެ ވާހަކަ ދައްކަބަލަ! އަހަރެން ދެރަ ނުކޮށްބަލަ! އާދޭސްކޮށްފައި މި ބުނީ!”
“ނަޖާހު!” ވަރަށް ހިތްވަރުކޮށްފައި ނަޖާހުގެ ނަމުން ޝިމާނާ ގޮވައިލިއެވެ. “ދެން ރަނގަޅު ވާނީ މި ކަން ހުއްޓާލިއްޔާ! ބައްޕަ…”
“ނޫން ޝިމާ! ތިހެން ނުބުނޭ! އަހަންނަކަށް ޝިމާއާ ވަތްކަކުން ނޫޅެވޭނެ! ޝިމާ! ޕްލީޒް!”
“އެކަމަކު ބައްޕަ ނުރުހޭ ކަމެއް ކިހިނެއް…”
“ނޫން! ނޫން ޝިމާ! ބައްޕަ ބުންޏަސް މަށާ ރުޅި ނުވައްޗޭ ޝިމާ! އަހަރެން ޝިމާ ދެކެ ހާދަ ލޯބިވޭ” ނަޖާހު އާދޭސްކުރަމުން ގެންދިޔައެވެ.
“އަހަންނަށް އެނގޭ ނަޖާހު ތިހެން ތިއުޅެނީ، އަހަރެންދެކެ ލޯބިވާތީކަން. އެކަމަކު ބައްޕައާ ދެކޮޅަށް އަހަންނަށް އެއްވެސް ކަމެއް ނުވާނެ!”
“އެކަމަކު….” ރޮވޭވަރުން ނަޖާހަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. “އަހަރެން ކިހިނެއް….. ޝިމާއާ ވަކިން އުޅޭނީ؟”
“ތިހެން ނުބުނޭ! އިރާދަކުރެއްވިއްޔާ އުޅެވޭނެ!” ޝިމާނާގެ ހިތް ވަނީ ނަޖާހާމެދު ހަމްދަރުދީން ފުރިފައެވެ.
“ޝިމާ ދެކެ އަހަރެން ލޯބިވާ މިންވަރު ވަޒަންކުރެވޭ ނަމަ، ޝިމާ ތިހެނެއް ނުބުނާނެ!”
“އަހަރެން ދެކެ ތިހާ ލޯބި ވަންޏާ، އަހަރެން ބުނާ ކަމެއް ކޮށްދީފާނަންތަ؟” އިރުކޮޅަކު ވިސްނާލަން އޮވެފައި، ޝިމާނާ މަޑުމަޑުން އަހައިލިއެވެ.
“އާނ! ޝިމާ ބުނެފިއްޔާ، ކޮންމެ ކަމެެއް ވެސް އަހަރެން ކުރާނަން!” އަވަސްއަވަހަށް ނަޖާހު ބުންޏެވެ.
“ނަޖާހުދެކެ ލޯބިވާ، ރަނގަޅު ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފެށޭތޯ ބަަލަންވީނު!”
“ކީކޭ؟ ކީކޭ ތި ބުނީ؟ ތި ބުނީ ޝިމާ އަހަރެންދެކެ ލޯތްބެއް ނުވެއޭތަ؟” ނަޖާހުގެ އަޑު ވަކިން ބޮޑަށް ތުރުތުރުއަޅައިގަތެވެ.
ބުނެވުނު އެއްޗަކާމެދު ޝިމާނާއަށް ވިސްނައިލެވުނީ ދެނެވެ. އެހެންނަމަވެސް އެހައިތަނުން ޝިމާނާ ބޭނުންވީ، ޙަޤީޤަތާ ކުރިމަތިލާށެވެ. ނަޖާހުގެ ލޯ މަތީގައި އޭނާ ބަނދެލި ފޮތިގަނޑު، އިތުރަށް ބާރުކުރުމުގެ ބަދަލުގައި މޮހައިލާށެވެ. އަމިއްލަ ކުށް ޤަބޫލުކުރަމުން ޙަޤީޤަތް ހާމަކުރާށެވެ.
“ނަޖާހު! އަހަރެން ނަޖާހުގެ ކިބައިން މަޢާފަށް އެދެން! މިއީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކުށެއްކަން ޤަބޫލުކުރަން. ޙަޤީޤަތަކީ އަހަރެން ނަޖާހު ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ! އަހަރެން އުޅެނީ އެހެން މީހަކާ ރައްޓެހި ވެސް ވެގެން. އޭނާ ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވޭ! ނަޖާހަށް އޮޅުވާލައިގެން، މިހައި ހިސާބަށް މި ކަން ގެންދެވުނީތީ، ނިހާޔަތަށް މަޢާފަށް އެދެން!”
ޝިމާނާއަށް މިހައި ހިސާބަށް ވާހަކަ ގެންދެވުނެވެ. އެއާއެކު އޭނާގެ ކަންފަތުގައި ޖެހުނީ ނަޖާހު ރޮއިގަތް އަޑެވެ. އެއާއެކު ފޯނު ކެނޑިއްޖެއެވެ. ނަޖާހަށް ވެފައި ހުރި ވަރު އިޙުސާސްކުރެވި ޝިމާނާއަށް ވެސް ރޮވުނެވެ.
ޖެހިގެން އައި ދުވަހެވެ. ކުރީ ރޭ ރަނގަޅަށް ނުނިދުމުގެ ސަބަބުން ހެނދުނު ހޭލިއިރު، ޝިމާނާގެ ބޮލަށް ވަނީ ބަރުވެފައެވެ. އެހެންކަމުން އެ ދުވަހު އޮފީހަށް ނުދާން ނިންމައި، ނިދޭތޯ އެނދުގައި އޭނާ ކުރުގެޅެލައި، ލޯ މަރައިލިއެވެ. އިއްތިފާޤުން އެ ދުވަހަކީ، އިޤުބާލު ވެސް ގޭގައި މަޑުކުރާ ދުވަހެކެވެ. ޑިއުޓީ ނެތް ދުވަހެއްކަމުން އޭނާ ވެސް ފަތިސް ނަމާދުކޮށްގެން އައިސް ޖައްސައިލީ، ކުޑައިރުކޮޅަކު ނިދައިލާށެވެ. ރޭ ދިމާވި ކަންތައްގަނޑު، އޭނާގެ ނިންޖަށް ވަރަށް ބޮޑަށް ހުރަސް އެޅިއެވެ.
އިޤުބާލު ތެދުވީ ނުވައެއް ވެސް ޖެހިފަހުންނެވެ. ޝިމާނާ ކޮޓަރިން ނިކުތްއިރު، އިޤުބާލު އިނީ ސައިބޯށެވެ. ބަދޫރާ އުޅުނީ، މެންދުރަށް ކެއްކުމުގެ މަސައްކަތުގައެވެ. ޝިމާނާ ނިކުތުމާއެކު، އިޤުބާލު އިސްއުފުލައި، ޝިމާނާގެ މޫނަށް ބަލައިލިއެވެ.
“ދަރިފުޅު މިއަދު އޮފީހަށް ނުދާ ދުވަހެއްތަ؟” ޝިމާނާ ކޮޓަރިން ނިކުތްތަން ފެނިފައި، އިޤުބާލަށް އަހައިލެވުނެވެ.
“އާނ!”
“އޭނަ ބޮލުގައި ރިއްސާތީ އޮތީ.” ބަދޫރާ ސަބަބު ބުނެދިނެވެ.
“މިހާރު ރަނގަޅު؟” އިޤުބާލު ބަލައިލީ، ޝިމާނާއާ ދިމާއަށެވެ. ޝިމާނާ ބޯ ޖަހައިލިއެވެ.
“ދެން އާދޭ ސައިބޯން! މިހާރު އެހެރަ ދިހައެއް ޖަހަނީ.”
ސައިތަށްޓެއް ގިރާލައިގެން އައިސް، ޝިމާނާ މޭޒުގެ އަނެއް ފަރާތުގައި އިށީންނިއެވެ. ދުން އަރަމުން ދިޔަ ސައިތަށްޓަށް ނަޒަރުހުއްޓާލައިގެން އިން އިރު، އޭނާގެ ހިތް ވެސް އޮތީ އުދާސްގަނޑެއްގެ ތެރޭގައެވެ. ކުށެއް ނެތް މީހަކަށް ބޮޑު އަނިޔާއެއް ދެވުނީތީ، އަދިވެސް އެކަމާ ވިސްނެނީއެވެ. ނަޖާހު ކުރާނެ ހިތާމައާއި ރޯނެ ރުއިން ޝިމާނާއަށް އެނގެއެވެ. އޭނާދެކެ ނަޖާހު ވާ ލޯބި ވަޒަންކުރެވެއެވެ. އެކަމަކު އެއީ އޭނާއަށް ކުރިއަށް ދެވޭން އޮތް މަގެއް ނޫނެވެ. އެ މަގުން އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އެޅޭކަށް ނެތެވެ. ފައިރޫޒަކީ އޭނާގެ ހަށިގަނޑުގެ އެއް ބަޔެވެ. ހަށިގަނޑުގެ އެއް ބަޔާއެކު ދިރިއެއް ނުހުރެވޭނެއެވެ. އެ ރޭ، އެ ޑްރާމާ ނުކުޅެވުނު ނަމައެވެ. އަތުގައި ފައިސާ ނެތި، އައިޝާމެން ފިލްމަށް ގެންދަން ވަޢުދު ނުވެވުނު ނަމައެވެ.
“ދަރިފުޅާ! ދެން އެ ކަމާ ނުވިސްނާ! މިހާރު އެކަން އެ ނިމުނީ.”
ޝިމާނާ އިންގޮތުން، އޭނާގެ ސިކުނޑި ކަމުން ގެންދަނީ، ރޭ ހިނގައިދިޔަ ކަންތައްގަނޑުކަން އިޤުބާލަށް އެނގެއެވެ. އެ ކަމަކާ އިޤުބާލު އެއްވެސް ވަރަކަށް ނުވިސްނައެވެ. އޭނާ ކަންބޮޑުވަނީ އެންމެ ކަމަކާއެވެ. ފައިރޫޒަށް މިއިން ކަމެއް އެނގިފައި އޮވެދާނެތީއެވެ. ކޮންމެ މަޤުޞަދެއްގައި ކުރި ކަމެއްކަމަށް ވިޔަސް، ޝިމާނާއަށް އެ ވަނީ އަޅާން ނުވާނެ ފިޔަވަޅެއް އެޅިފައެވެ. އެ ކަން ފައިރޫޒަށް އެނގިއްޖެއްޔާ، ހިތްހަމައެއް ނުޖެހޭނެއެވެ. ނުރުހުމާއެކު ޝަކުވާ ކުރާނެއެވެ.
“އެއިން އެއްވެސް ކަމެއް ފައިރޫޒަށް އެނގޭނެތަ؟” އިރުކޮޅަކު އިނދެފައި އިޤުބާލަށް އަހައިލެވުނެވެ.
“ނޫން!” ޝިމާނާ ބޯ ހަލުވައިލިއެވެ.
“އެހެންވިއްޔާ ދެން ހިތްހަމަޖައްސައިލާ! ފައިރޫޒް އެނބުރި އަންނައިރު، ދަރިފުޅު އިންނާންވާނީ ހަމަޖެހިފަ. އޭނާއާ ކުރިމަތިލާންވާނީ އުފާވެރި މޫނަކާއެކު! ނަމަނަމަ ޝައްކެއްވާ ކަހަލަ ގޮތަކަށް އިނގިއްޔެއް ވެސް ހަލުވައިނުލާތީ! ބައްޕަމެންގެ ދިރިއުޅުމުގެ ހުރިހައި އުއްމީދެއް ގުޅިފައިވާ މީހަކީ، ފައިރޫޒްކަން ހަނދާން ބަހައްޓާތި!”
ބައްޕަގެ އެ ވާހަކަތަކަށް، ޝިމާނާ އެއްޗެއް ނުބުނެއެވެ. އޭނާއަކަށް އެ ވާހަކަތައް މުޅިއަކުން ގޯހެއް ވެސް ނޫނެވެ. އެހެންނަމަވެސް ހިތަށް ހަމަ އުނދަގޫވަނީއެވެ. މީހަކަށް ދެރައެއް ދީފައި، އުފަލުގައި ނޫޅެވޭނެއޭ ބުނެ އުޅޭތީ، ހިތް ބިރުގަންނަނީއެވެ. މި ކަންތައްގަނޑުގެ ބަނޑުން، ނުބައެއް އުފަންވެ، ހެދިބޮޑުވާން ފަށައިފާނެއޭ ހިތް ބުނަނީއެވެ.
އިރުގެ ރަންދޯދިތައް މަރުވެ، ހަނާވަމުން ދާ ހިތްދަތި ހަވީރުގެ ވަގުތެވެ. ދުނިޔެއާ ވަކިވާން ޖެހޭތީ، މާޔޫސްކަމާއެކު އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އިން ނަޖާހުގެ ދެ ލޯ ހުރީ ރަތްވެ ފާރުވެފައެވެ. އެހެން އިންއިރު، ފޯނުގެ ކީބޯޑުމަތީގައި އޭނާގެ އިނގިލިތައް ހަރަކާތްކުރަމުން ދެއެވެ. ހިތުގައި ބިންވަޅުނެގިފައިވާ އަދަދުތައް މަތީގައެވެ. އޭނާ އިރުއިރުކޮޅުން، އެ ނަންބަރަށް ގުޅައިލައެވެ. ކޮންމެ ފަހަރަކު ވެސް ހިތް ބުނަނީ، މި ފަހަރު ނަގާނޭ ކަމަށެވެ. އެހެންނަމަވެސް ނަގާނެ މީހަކު ނުވެ ފޯނު ކެނޑެނީއެވެ. އެ ފަދަ ކޮންމެ ފަހަރަކު، އޭނާގެ ލޮލުން ކަރުނަ ހިލިގަނެއެވެ. ހިތަށް ވެރިވެފައި ވާ މާޔޫސްކަމުން، މޫނުމަތި އިތުރަށް އަންދާލައެވެ.
އިރުއޮއްސި ހަތެއް ޖަހައިފިއެވެ. މަޣުރިބު ނަމާދު ފާއިތުވެ ހިނގައްޖެއެވެ. އަށެއް ވެސް ޖަހައިފިއެވެ. ނަޖާހުގެ ޚިޔާލަކު، ފިކުރަކު، ޝިމާނާ ނޫން ކަމެއް ނެތެވެ. އޭނާގެ މަންޒިލަކީ، ހަމަ އެ ސަރަޙައްދެވެ. މާލޭގެ ހުޅަނގު ފަރާތު ތޮށިމައްޗެވެ. ބައިވެރިއަކީ ކަރުނައެވެ. އެހެން އިންދާ، އޭނާގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ.
“މި ރޭ ވެސް ނާންނަނީތަ؟” ނަޖާހު ފޯނު ނެގުމާއެކު، އެ ކޮޅުން ސުވާލުކުރިއެވެ. ގުޅީ އޮލިމްޕަހުންނެވެ. ޑިއުޓީއަށް ނުގޮސްގެންނެވެ.
“ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މި އުޅެނީ. އިރާދަކުރެއްވިއްޔާ މާދަމާ ރޭ ދާނަން.”
“މި ރޭ އަލީ ވެސް ނާދޭ. ހައުސް ފުލް ރެއެއް. ނަޖާހު ނައްޔާ ވަރަށް ބާރުބޮޑުވާނެ!”
“އެކަމަކުވެސް މި ރެއަކު ނުދެވޭނެ! ވަރަށް ބޮޑަށް ބޮލުގަ ރިހޭތީ މި އުޅެނީ.”
އެތައް ވަރަކަށް ވާހަކަ ދައްކައިގެން ވެސް، ނަޖާހު ދާން އެއްބަސް ނުވުމުން، އެ ކޮޅުން ފޯނު ކަނޑައިލީއެވެ. ފޯނު ބޭއްވިގޮތަށް އަނެެއްކާވެސް ނަޖާހަށް ގުޅައިލެވުނީ ޝިމާނާއަށެވެ. ކެނޑެންދެން އިން އިރު ވެސް، ޝިމާނާ ފޯނެއް ނުނެގިއެވެ. ހިތަށް އެރިއެވެ. ޝިމާނާ ހާދަހައި ހިތް އަރެވެ. ހާދަހައި ރަޙުމުކުޑައެވެ. އޭނާގެ ހިތް ބުނަނީ، މިއީ ޝިމާނާ އޭނާއަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާގެ އަތުގައި ހިފައިގެން، އެތައް ހިސާބު މައްޗަކަށް އަރާފައި، ވާނޭގޮތެއް ވާން ދޫކޮށްލީއެވެ. ވެއްޓި މަރުވިޔަސް ހެޔޮކަމަށެވެ. ނަޖާހުގެ ދެ ލޮލުން އަނެއްކާވެސް ކަރުނަތައް އޮހިގަތެވެ.
ޖެހިގެން އައި ރޭ ނަޖާހު އޮލިމްޕަހަށް ދިޔައެވެ. ކަމާލަށް ނަޖާހު ފެނުމާއެކު، އޭނާގެ ހާލަތު ރަނގަޅު ނޫންކަން ދެނެގަތެވެ. އޭނާ ހުރި ގޮތް ފެނިފައެވެ. މޫނުމަތީން ފެންދަމާލައިފައި ހުރުމުންނެވެ. ދެ ލޯ ވަޅުވަދެ، ހަށިގަނޑު އަނަރޫފަވެފައި ހުރުމުންނެވެ.
“ކިހިނެއް ވެފަ ތިހިރީ؟” ހައިރާންކަމާއެކު ކަމާލަށް ސުވާލު ކުރެވުނެވެ.
“ބަލިކޮށް މި އުޅެނީ.”
“ކިހިނެއް ވަނީ؟”
“ވާހައި ގޮތްތަކެއް ބުނާކަށް ވެސް ނޭނގޭ.” ނަޖާހަށް ދޫކޮށްެލެވުނީ ފުން ނޭވާއެކެވެ.
“ތި އުޅެވެނީ ވިސްނަން ނުވާ ކަހަލަ ކަމަކާ ވިސްނަން ފަށައިގެން. ހަމަ ޔަގީން! ހިނގާ ދާން ކޮފީއެއް ބޯލަން! އޭރުން ތިކަން ހަމަ ޖެހިދާނެ. މަ އަންނާނަން ފާޚާނާއަށް ވަދެލާފަ.”
“ދީބަލަ ފޯނު!” ކަމާލު ހިނގައިގަތުމުން ނަޖާހު ބުންޏެވެ.
އިތުރު ސުވާލެއް ނެތި، ޖީބުގައި އޮތް ފޯނު ނަގައި ނަޖާހު އަތަށް ދީފައި، ކަމާލު ދިޔައީ ފާޚާނާއާ ދިމާއަށެވެ. ނަޖާހު އަވަސްއަވަހަށް، އެ ނަންބަރަކަށް ޓަކައި އޭނާ ފިދާވާ ނަންބަރަށް ގުޅައިލިއެވެ. ދެތިން ރިންގާއެކު ޝިމާނާ ފޯނު ނެގިއެވެ.
“ހަލޯ!”
ޝިމާނާގެ އަޑު ޖެހުމާއެކު، ނަޖާހުގެ ހިތަށް ފިނިކަން ލިބުނެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފަލެއް އިހުސާސްކުރެވުނެވެ. އެ އަޑަށް އޭނާގެ ކަންފަތް އިންތިޒާރުކުރާތާ ހާދަ އިރެއް ވެއްޖެއެވެ.
“ޝިމާ!” ނަޖާހުގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެއްކަމަކު ދިރުން ހުއްޓެވެ. “ތި އަޑު ޖެހުނީމާ ވެސް ހާދަ ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖޭ!”
ޝިމާނާ އަނގައަކުން ނުބުނެއެވެ. ނަޖާހުގެ ކަންފަތަށް އިވެމުން ދަނީ ޝިމާނާގެ ނޭވާގެ އަޑެވެ.
“އެނގިއްޖެ ދޯ މީ ކާކުކަން؟ މީ ނަޖާހު. ވާހަކައެއް އަހާލަންވެގެން…”
ނަޖާހު ވާހަކަ ދައްކަންފެށުމާއެކު، ޝިމާނާ ފޯނު ކަނޑާލައިފިއެވެ. ނަޖާހު އަވަސް އަވަހަށް، އެ ނަންބަރަށް ޑައިލްކޮށްލިއެވެ. ނުނެގިއެވެ. ފަސް ހަ ފަހަރު ގުޅުމުން ވެސް ނުނެގިއެެވެ. ކަމާލު އައި އިރު ވެސް، ނަޖާހު އިނީ އެ ކަމުގައެވެ. ކަމާލަށް އެ ކަން ފާހަގަކުރެވުނެވެ. އެހެންނަމަވެސް އަޅައެއް ނުލައެވެ. އެނގޭކަމަށް ވެސް ނުހަދައެވެ. ކޮފީއެއް ބޯލަން ހިނގާށޭ ކިޔައިފައި، ނަޖާހު ގޮވައިގެން ހިނގައިގަތީއެވެ.
މެންދުރުފަހުގެ ވަގުތެވެ. ނަޖާހު އޮތީ އޭނާގެ އުދާސް ކޮޓަރީގައެވެ. މާޔޫސްވެފައި ވާ ސިކުނޑިއަކާއެކު ނިތްމަތީގައި އަތް ބާއްވާލައިގެން، ޝިމާނާގެ ޚިޔާލުތަކުގެ ތެރޭގައެވެ. އަސުރުން އިރުތިރިވިފަހުން ތެދުވެ ފެންވަރާލައިގެން ނިކުމެ ބަލިކަށި ހިނގުމެއްގައި، ހިނގައިގަތީ ޝިމާނާމެންގެއާ ދިމާއަށެވެ.
އުއްމީދު ގެއްލިފައި ހުރި އާވާރާއެއް ފަދައިން، ޝިމާނާމެންގޭ ކައިރީގައި ކުރުކާލިކަނޑައިލަ ކަނޑައިލަ ނަޖާހަށް ހުރެވުނީ ކިހައި އިރަކުކަމެއް ނޭނގެއެވެ. އޭނާގެ ފޫހިވުމެއް ނެތް އިންތިޒާރު ގުޅިފައިވަނީ ޝިމާނާއާއެވެ. ޝިމާނާ ގެއިން ނިކުންނާނޭ ވަގުތަކަށެވެ. ނުވަތަ ބޭރުން އެނބުރި އަންނާނޭ ވަގުތަކަށެވެ.
އިރުއޮއްސުމާ ދާދި ކައިރިވެފައި ހުއްޓާ، މަގުކޮޅުން ޝިމާނާގެ ރީތި ސޫރަ ދައްކާލައިފިއެވެ. ނަޖާހުގެ ކަޅި އެ ދިމާއަށް ހުއްޓުނުގޮތަށް، އެހެން ދިމާއަކަށް ފަޅި ސިކުންތަކަށް ވެސް ކަސިޔާރުނުވިއެވެ. ޝިމާނާއަށް ނަޖާހު ފެނުނީ، ގެއާ ވަރަށް ކައިރިވިފަހުންނެވެ. ހުއްޓުން އަރާފައި ހުރި ނަޖާހު ފެނުމާއެކު، ޝިމާނާ ސިހުނެވެ. އަވަސްއަވަހަށް ފިޔަވަޅު ހަލުއި ކޮށްލިއެވެ. ބޭނުންވަނީ ނަޖާހު އެއްޗެއް ބުނުމުގެ ކުރީން ގެއަށް ވަންނާށެވެ. އެހެންނަމަވެސް އެއަށްވުރެ ކުރީން ނަޖާހު އައިސް ޝިމާނާއާ އަރައި ހަމަކޮށްފިއެވެ.
“ޝިމާ!”
ނަޖާހު ގޮވައިލުމުން އިވޭކަމަށް ވެސް ޝިމާނާ ނުހެދިއެވެ. ހިނގުން އިތުރަށް ހަލުއިކޮށްލީއެވެ.
“މަޑުކޮށްބަލަ ޝިމާ!” ޝިމާނާއާ އެއް ވަރަށް، ނަޖާހު ވެސް ހިނގައިގަތެވެ. “ޝިމާ! އަހަރެން ހަމަ އެންމެ ސުވާލެއް ކޮށްލަންވެގެންނޭ! މަޑުކޮށްބަލަ!”
ޝިމާނާގެ ފިޔަވަޅަކަށް މަޑުޖެހުމެެއް ނާދެއެވެ. އެެހެންނަަމަވެސް ދެ ލޮލަށް ކަރުނައިގެ ތެތްކަން ވެރިވާން ފެށިއެވެ.
“ޝިމާ! އަޅެ ޕްލީޒް! މަޑުކޮށްބަލަ!” ދޮރާށްޓާ އަަރައިހަމަވުމުން، ނަޖާހު ޝިމާނާގެ އަތުގައި ހިފެހެއްޓިއެވެ. ޝިމާނާ ވަގުތުން އަތް ފޮޅުވައިލިއެވެ. އެއާއެކު އަވަސްއަވަހަށް ދޮރާށި ހުޅުވާލައިފައި އެތެރެއަށް ވަދެ، ދޮރާށި ލެއްޕިއެވެ.
ކޮޓަރިއަށް ވަނުމާއެކު ޝިމާނާއަށް ރޮވިއްޖެއެވެ. އޭނާ ގޮސް ދަބަސް ބަހައްޓާފައި އެނދުމަތީގައި އިށީނދެ، ދެ ލޯ ފުހެލިއެވެ. ވަރަށް ބޮޑު ފިކުރެއްގައި އިންނަ ކަހަލަ ގޮތަކަށް ހުއްޓުން އަރާފައި އިންދާ، ދަބަސްތެރޭގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. އޭނާ ބަރު ފިޔަވަޅު ތަކެއްގައި ހިނގައިގަތެވެ. ހިތް ބުނީ ނަޖާހު ގުޅަނީކަމަށެވެ. އެހެންނަމަވެސް ފޯނު ނަގައި ބަލައިލިއިރު ފައިރޫޒެވެ.
ޝިމާނާ ކުޑަކޮށް ހަމަޖެހިލައިގެން ފޯނު ނެގިއެވެ. ފައިރޫޒަށް ކަމެއް ފާހަގަވެދާނެތީ، އަޑާއި ރާގުގައި އުފާވެރިކަމުގެ ކުލަ ޖައްސައިލެވޭތޯ މަސައްކަތްކުރިއެެވެ.
“ހަލޯ.”
“ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން މި ގުޅީ.” ފޯނު ނެގުމާއެކު ފައިރޫޒު ވާހަކަފެށިއެވެ. އޭނާގެ އަޑުގައި ހުރީ ދެ އީދުގެ އުފާވެރިކަމެވެ.
“ކޮން ޚަބަރެއް؟” ކިތަންމެ ވަރަކަށް ކުލަ ޖެއްސިޔަސް، ޝިމާނާގެ އަޑުގައި އުފާވެެރިކަމުގެ ރާހަތެއް ނެތެވެ.
“ހާދަ ގޮތަކަށް އަޑު ތި ހުރީ. ކަމެއް ގޯސްވީތަ އަނެއްކާ؟” ފައިރޫޒު ވަގުތުން ދެނެގެންފިއެެވެ.
“ނޫން!” ފަސްއަޅައި ފޮރުވޭތޯ ޝިމާނާ މަސައްކަތްފެށިއެވެ.
“އެކަމަކު ތި އަޑު މަގޭ ކަންފަތްދޮށުގައި އެބަ ބުނޭ ކަމެއް ގޯސްވެއްޖެއޭ.” ކިތަންމެ ވަރަކަށް ފަސް އެޅިޔަސް، ފައިރޫޒުގެ ކަންފަތަކަށް ސިއްރެއް ނުވިއެވެ.
“ތީ ހީވާ ގޮތް. ހުރިހައި ކަމެއް ވެސް ވަރަށް ރަނގަޅު. ފައި އަންނާނެ ދުވަހަކަށް މި އިންތިޒާރުކުރަނީ.”
“ތި ވާހަކަ ބުނާށޭ މި ގުޅީ. އިރާދަކުރެއްވިއްޔާ މާދަމާ މާލެ ދެވޭނެ!”
ފައިރޫޒުގެ އެ ޖުމުލައާއެކު، ޝިމާނާގެ މޭ ތެޅިގަތެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ފުން ވަޅުގަނޑަކަށް ވެއްޓުނެވެ. އޭނާ ބުނަން ބޭނުންވަނީ އަދި ދުވަސްކޮޅަކު ފައިރޫޒް މާލެ ނައިސް މަޑުކޮށްލާށެވެ. ނަޖާހުގެ ކަންތައް ގޮތަކަށް ނިމެންދެނެވެ. އެހެންނަމަވެސް އެ ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެކަހަލަ އެއްޗެއް ބުނެފިއްޔާ، ފައިރޫޒުގެ ހިތުގައި އެތައް ސުވާލެއް އެނބުރިގަންނާނެއެވެ.
“އެ ވަރުގެ އުފާވެރި ޚަބަރެއް ލިބުނީމާ ވެސް އުފަލެއް ނުވޭތަ؟” ޝިމާނާގެ ނުތަނަވަސްވެފައިވާ މޫނަށް ބަލައިލަމުން ފަރީޙާ އެހިއެވެ. ފަރީހާއާއި ޝިމާނާ ތިބީ، ޝިމާނާގެ ކޮޓަރީގައެވެ.
“އުފާކުރެވޭތަ؟ ފައި އަންނަ އިރަށް ހުރިހާ ކަމެއް އޭނާއަށް އެނގޭނީ ކަންނޭނގެ! ހުވާ މިބުނީ ބޯ ފަޅައިގެންދާވަރުވޭ!”
“ހަމަޖެހިބަލަ! އަދި ތިވަރު ވާކަށް ނުވެއޭ.”
“ފަރީހާއަކަށް ނޭނގޭނެ. ފައިއާއެކު ދަނިކޮށް ނަޖާހު އައިސް، މި ރޭ އެ އުޅުނުގޮތަށް އުޅެގެންފިއްޔާ، ކިހިނެއް މަ ހަދާނީ؟ ފައިއަށް ކޮން މޫނެއް ދައްކާނީ؟”
“ދެރަ ކަމެއް ދޯ ތި ލައިގަތީ؟” ފަރީހާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. “ނަޖާހުގާތު ރީތިކޮށް ބުނަންވީނު އެހެން ނޫޅޭށޭ! ވެދިޔަ ކަންތަކަށް މާފަށް ވެސް އެދެން މަށަށް ފެންނަނީ.”
“އާނ! ދެން ތިހެން ކަންނޭނގެ ހަދަންވީ! އެކަމަކު ހިޔެއްނުވޭ އޭނަ ގަބޫލުކުރާނެހެނެއް!”
“އަޅެ ގުޅާފަ ބުނެބަލަ!” އެނދުމަތީގައި އޮތް ފޯނު ނަގައި، ޝިމާނާގެ އަތަށް ދެމުން ފަރީހާ ބުންޏެވެ.
އިރުކޮޅަކު ވިސްނައިލާން އިނދެފައި، ނަޖާހުގެ ނަންބަރަށް ޝިމާނާ ގުޅިއެވެ. ފޯނު އޮތީ ނިވާލައިފައެވެ. ދެ ފަހަރަށް، ތިން ފަހަރަށް ގުޅުމުން ވެސް ކިޔަނީ އެއް ބަނދިވަރެކެވެ.
“ނިވާލައިފައި.” މޫނުމަތިން އުފުލުނު ފޫހިކަމުގެ ބިޔަ ރާޅާއެކު ޝިމާނާ ފޯނު ބޭއްވިއެވެ.
“އެހެންތަ؟ އެހެންވިއްޔާ ހިނގާ ބޭރަށް ނިކުމެލަން! ރަނގަޅު ޚިޔާލެއް ވެސް އަތުވެދާނެ.” ޝިމާނާ މާ ބޮޑަށް ފިކުރުބޮޑުވެފައި އިނުމުން، ފަރީހާ ބޭނުންވީ އޭނާ ގޮވައިގެން ވައިގެ ތެރެއަށް ނިކުމެލާށެވެ.
ޖެހިގެން އައި ދުވަހެވެ. ފައިރޫޒު އަންނަނީ ކޮން ދުވަހަކުތޯ މިއަދު ވެސް ޝިމާނާގެ ގާތުގައި އިޤުބާލު އަހައިލިއެވެ. އޭނާ މިހާރު ހުންނަނީ ފައިރޫޒު ނައިސްގެން ކެތްމަދުވެފައެވެ. އޭނާ ބޭނުންވަނީ ފައިރޫޒު އައުމާއެކު ގެއަށް ގެންނާށެވެ. ބައްދަލުކޮށް ގުޅުން ބަދަހިކުރާށެވެ. ލަސްނުކޮށް ކައިވެނީގެ ކަންކަން ވެސް ހަމަޖައްސާށެވެ. ނަޖާހުގެ ކަންތައްގަނޑު އެނގުމުގެ ކުރިން، ނުމޮހޭ ފަދަ ބާރު ގޮށަކުން، އެ ދެ ކުދީންގެ ފަސްބައި ބަނދެލާށެވެ. މީހެއްގެ ފުށުން ހީއަކަށް ނަމަވެސް ނަޖާހުގެ ކަންތައް އެނގިގެން، ފައިރޫޒާއި ޝިމާނާގެ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެތީއެވެ.
ފައިރޫޒު އަންނަ ވާހަކަ ބުނުމާއެކު، އިޤުބާލަށް ފުންމައިގެން ތެދުވެވުނީ، އިޚުތިޔާރެއް ނެތިއެވެ. ހަމަ ތެދެއްހޭ އަހައިލެވުނުއިރު، ކޮލުގައި ހުރި ދަތްތައް ވެސް ފެނުނެވެ. ފައިރޫޒު އައުން ޝިމާނާއަށް ފަންޏަކަށް ވިޔަސް، އިޤުބާލަށް ވީ ފޮންޏަކަށެވެ.
އޮފީސް ނިންމާފައި ޝިމާނާއަށް ގެއަށް އާދެވުނީ ތިނެއް ވެސް ޖެހިފަހުންނެވެ. ކައިގެން އައިސް ކޮޓަރިއަށް ވަންތަނާ ފައިރޫޒު ގުޅައިފިއެވެ. އޭނާ މާލެއަށް އެރިގޮތަށް، ގެއަށް ވެސް ނުގޮސް، ފުރަތަމަ ވެސް ގުޅީ ޝިމާނާއަށެވެ. މާލެ އާދެވުނުކަމުގެ އުފާވެރި ޚަބަރު ދޭށެވެ. އެ ޚަބަރާއެކު ޝިމާނާގެ މޭ ތެޅިގަތެވެ. އެހެންނަމަވެސް ފައިރޫޒު އުފާވެފައި ހުރިވަރުން، އެ އުފަލުގައި އޭނާ ވެސް ބައިވެރިވިއެވެ. އަދި ބައްޕަގެ ދައުވަތެއް އޮތް ވާހަކަ ބުންޏެވެ.
އިރާކޮޅުގެ ވަގުތެވެ. އިޤުބާލުގެ ދެމަފިރިންނާއި ޝިމާނާ ތިބީ ގޭ ސިޓިންރޫމުގައެވެ. އެހެން ދުވަސްދުވަހަށް ވުރެ ވެސް. މި ރޭ ގޭތެރޭގެ ސާފުތާހިތުކަމާއި ތަރުތީބުކަން ބޮޑެވެ. އިޤުބާލުގެ ދެމަފިރިން ވެސް ތިބީ ރީތިވެލައިގެންނެވެ.
އިރުކޮޅަކުން ޝިމާނާގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ. ޝިމާނާ އަވަސް އަވަހަށް ފޯނު ނެގިއެވެ.
“ހަލޯ!…. އާނ! މި ނިކުންނަނީ.”
“އައީތަ؟” ޝިމާނާ ފޯނު ބޭއްވުމާއެކު އިޤުބާލަށް އަހައިލެވުނެވެ.
ބޯ ޖަހައިލަމުން ބޭރަށް ނިކުތުމަށް ޓަކައި، ޝިމާނާ ހިނގައިގަތެވެ. އެއާއެކު އިޤުބާލު ތެދުވެ، ފައިރޫޒަށް ޚާއްޞަކޮށްފައި ހުރި ގޮނޑި އަތުން ފޮހެލައި ރީތިކޮށްލާފައި އައިސް، ކުރިން ވެސް އިންތަނުގައި އިށީނދެ ހަމަޖެހިލިއެވެ.
ގިނަ އިރެއް ނުވެ، ދޮރޯށި ހުޅުވިއްޖެއެވެ. ޝިމާނާގެ ފަހަތުން އައިސް ސިޓީންރޫމަށް ވަނީ، އޭނާގެ ލޯބިވެރިޔާ ފައިރޫޒެވެ. ދިގު އިސްކޮޅެއް ލިބިފައިވާ ހިމަތޮޅި ޒުވާނެކެވެ. ކަޅުކުލަ ގަދަ ފަން އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށައި، އެއްފަރާތަށް ފުނާއަޅާފައެވެ. ދެ ބުމަ ވަރުގަދައެވެ. ތުނބުޅި މަތިމަސް ހުރީ “ޓްރިމް” ކޮށްފައެވެ. މޫނުމަތީގެ ހަންގަނޑު އަނދާފައި ހުރި ނަމަވެސް، ހަން އަލި މޫނެކެވެ. ހުދު އަތްދިގު ގަމީހަކާއި ގަދަ ނޫކުލައިގެ ޖީންސެއްގައި ފައިރޫޒު ފެންނަނީ ވަރަށް ސްމާޓްކޮށެވެ.
ފައިރޫޒް ވަނުމާއެކު، އިޤުބާލު ތެދުވިއެވެ. އިޤުބާލު ތެދުވިތަން ފެނިފައި، ބަދޫރާ ވެސް ތެދުވިއެވެ. ފުރަތަމަ ފައިރޫޒު ފެނުމާއެކު ވެސް އިޤުބާލުގެ ހިތުގައި ފައިރޫޒަށް ޓަކައި ޚާއްޞަ ޤަދަރެއް ދެވުނެވެ. ހިނިތުންވެފައި ހުރެ، ޝިމާނާ ދެއްކި ގޮނޑީގައި ފައިރޫޒު އިށީންއިރު، ގޭތެރޭގައި ވަނީ “މާކް ޖޭކޮބްސް”ގެ މީރު ވަސް ހިފާފައެވެ.
“މީ ބައްޕަ. މީ މަންމަ.” މަންމައާއި ބައްޕަ ތަޢާރަފުކޮށްދިނުމުގެ ގޮތުން ޝިމާނާ މަންމައާއި ބައްޕައަށް އިޝާރާތްކޮށްލިއެވެ. ފައިރޫޒު ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ.
“ފައިރޫޒުގެ ވާހަކަ އަބަދުވެސް ބައްޕަމެންނަށް އިވޭ. ދުވަހަކު ފެންނަގޮތެއް ނުވޭ! އެހެންވެ ބައްޕަ ބޭނުންވީ ހަމަ ބައްދަލުކޮށްލަން. ކިހިނެއް ދަރިފުޅުގެ ހާލު؟”
“އަލްހަމްދުލިﷲ! ރަނގަޅު. ވިއްސަކަށް ދުވަހު ރާއްޖެތެރޭގައި އުޅެލާފައި މި އައީ.”
“އޮފީސް ދަތުރެއްގައި ދޯ؟”
“ލައްބަ!”
“ބައްޕަ ވަރަށް އުފާވޭ ފައިރޫޒް ކަހަލަ ކުއްޖަކު ޝިމާނާއަަށް ލިބުނީމަ.”
“އަޅުގަނޑު ވެސް ވަރަށް އުފާވޭ ޝިމާނާ ކަހަލަ ރަނގަޅު ކުއްޖަކު އަޅުގަނޑަށް ލިބުނީމަ.” ޝިމާނާއާ ދިމާއަށް ބަލައިލަމުން، ފައިރޫޒް ހިނިތުންވެލިއެވެ. ޝިމާނާގެ މޫނުމަތިން އުފާވެރިކަމާއި ލަދުވެތިކަން ފެނުނެވެ.
“ބައްޕައަށް ފެންނަނީ، ގިނަ ދުވަސް ނުކޮށް، ދެ ކުދީންގެ ކައިވެނީގެ ކަންތައް ނިންމަން.”
“އަޅުގަނޑު ވެސް ބޭނުންވާގޮަތަކީ ތީ. މަންމަމެން ވެސް ބޭނުމެއް ނުވޭ ލަސްކުރާކަށް.”
“އެހެންތަ؟ މާ ރަނގަޅަކަށްނު ތި ވީ.” އިޤުބާލަށް ލިބުނު އުފާވެރިކަން މޫނުމަތީން ފެނިގެން ދިޔައެވެ. “ބަދޫރާ ދޭ ފައިރޫޒަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލަން.”
ބައްޕަގެ ވާހަކަތަކާއި ފައިރޫޒުގެ މޫނުމަތީން ފެންނަން ހުރި އުފާވެރިކަމާއެކު ވެސް، ޝިމާނާގެ ހިތް އޮތީ ފިތިފިތިއެވެ. އޭނާގެ ހިތަށް ސިފަވަމުން ދަނީ، ނަޖާހާއެކު ކުޅެވުނު، މާނައެއް ނެތް ބިރުވެރި ޑްރާމާގެ މަންޒަރުތަކެވެ. އެ ކަން ނުކުރެވުނު ނަމަ، މި ރޭ އޭނާ ވެސް އިންނާނީ ކިހައި އުފަލުން ހެއްޔެވެ؟ ކިހައި ހިތްހަމަޖެހިފައި ހެއްޔެވެ؟ އެހެންނަމަވެސް އެޅުނު އެންމެ ކަތި ފިޔަވަޅެއްގެ ސަބަބުން، އިންނާން ޖެހިފައި އެ ވަނީ ކުށްވެރިއަކަށްވެ، އަމިއްލަ ނަފުސު ހުރަގޭގައި ގައިދު ކޮށްގެންނެވެ.
މި ކަހަލަ ފިކުރެއްގައި ޝިމާނާ އިންއިރު، ފައިރޫޒާއި ބައްޕަގެ މައުޟޫޢެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އިނދެވުނީ އެެހެން ދުނިޔެއެއްގައެވެ. އޭނާ ހަމަބިމަށް ބޭލީ، އަތުގައި އޮތް ފޯނުގެ ރިންގުގެ އަޑެވެ. ތެޅިގެންފައި، ފޯނަށް ބަލައިލެވުނެވެ. ނަންބަރު ފެނުމާއެކު ގައިން ހީބިހި ނަގައިގަތެވެ. މޭ ތެޅިގަތެވެ. އަވަސް އަވަހަށް ފޯނު ކަނޑައިލެވުނެވެ. އިޤުބާލާ ވާހަކަ ދައްކަން އިން ފައިރޫޒަށް ޝިމާނާއާ ދިމާއަށް ބަލައިލެވުނީ، ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު ޝިމާނާ އެ ކޯލު ވެސް ކަނޑައިލަނީއެވެ. ތިންވަނަ ފަހަރު ވެސް ނަޖާހު ގުޅިއެވެ. އެހައިތަނުން ފައިރޫޒަށް ނޭނގޭގޮތަށް ޝިމާނާ ފޯނު ނިވައިލިއެވެ. އޭރު އޭނާގެ މޫނުމަތީން ހާސްކަމާއި ކަންބޮޑުވުން ފެންނާން ހުއްޓެވެ. އުފުލެމުން ދިޔަ ދާ ތިކިތައް، މޫނުމަތީގެ ނުތަނަވަސްކަން އިތުރުކުރުވިއެވެ. ނަޖާހުދެކެ ރުޅިއާދެވުނީ އިންތިހާއަށެވެ. ޔަޤީނެވެ. ފައިރޫޒުގެ ސުވާލާ ކުރިމަތިލާން މި ރޭ ޖެހޭނެއެވެ. ފުރަތަމަ ދުވަހާއެކު މުސީބާތް އައިސް ލައިގަތީއެވެ.
“ކާކުތަ މާ ވަރަކަށް ގުޅީ؟” ގެއިން ނިކުތްގޮތަށް ފައިރޫޒު ސުވާލުކުރިއެވެ.
“އެ…. އެއީ…. އޮފީސް މީހެއް.” ވަގުތު ޖެހުމުގެ ކުރިން ޖަވާބު ތައްޔާރުކޮށް ބަންދުކޮށްފައި ބޭއްވި ނަމަވެސް، ޖަވާބު ދެވުނީ އަޅައިގަންނަމުންނެވެ.
“ދެން…؟ ކީއްވެ ކަނޑައިލީ؟”
“އޮފީހަށް ދާށޭ ބުނަން އެ ގުޅަނީ. މި ރޭ ދެން އޮފީހަށް ދެވޭތަ؟” ފައިރޫޒުގެ އަތުގައި ހިފައިލަމުން، ޝިމާނާ ހިނިތުންވެލީ، ފައިރޫޒުގެ ހިތުގައި ޝައްކުގެ ކަންފުޅެއް ހުރި ނަމަވެސް ދޮވެ ސާފުކޮށްލެވޭތޯއެވެ.
“މާ ވަރަކަށް ގުޅާތީ، މަ ހީކުރީ އާ ފްރެންޑެއް ލިބުނީ ކަމަށް.” މި ފަހަރު ފައިރޫޒުގެ އަޑުގައި ހުރީ ސަމާސާ ގޮތެކެވެ. ހިނިތުން ވެލަމުން އޭނާ ސައިކަލަށް އެރިއެވެ.
“ފައި ދައްކާ ވާހަކަ.” ހިތް ތެޅެމުން ދިޔަ ނަމަވެސް، އެކަން އޮބަހައްޓަމުން ޝިމާނާ ވެސް ސައިކަލަށް އެރިއެވެ. ފައިރޫޒުގެ އުނަގަނޑުގައި ހިފަހައްޓައިލީ ލޯތްބާއެކުގައެވެ.
“އަނެއްކާ އެކަހަލަ ކަމެއް ނުކުރައްޗޭ!”
“ކޮށްފިއްޔާ…؟” ޝިމާނާ ބޭނުންވީ ވަކަރަށް ޖަހައިލާށެވެ. ހޭވުނު ހަޑި، ޒަމާނެއްގެ ކޮޅުން ވެސް ފައިރޫޒަށް އެނގިއްޖެ ނަމަ، ލައިގަންނާނީ ކޮން ކަހަލަ ތޫފާނަކާތޯ ކަށަވަރުކުރާށެވެ.
“ކޮށްފިއްޔާއޭ؟” ފައިރޫޒުގާތަށް ހިނިއައެވެ. “ނުކުރާނެއެއްނު!” ފައިރޫޒް ސައިކަލު ދުއްވާލިއެވެ.
އެ ރޭ ނިދަން އޮތް އިރުވެސް ޝިމާނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ފައިރޫޒާއެކު ބޭރުގައި އުޅެފައި، ދިހައެއް ވެސް ޖެހިފަހުން ގެއަށް އައިސް ފޯނު އޮންކޮށްލުމާއެކުހެން ނަޖާހު ގުޅަންފެށިއެވެ. ޖެހިޖެހިގެން ފަސް ހަ ފަަހަރު ގުޅިއެވެ. އެންމެފަހުން ބޮލަށް އުނދަގޫވެގެން ޝިމާނާ ފޯނު ނެގިއެވެ. ދެން ނުގުޅާށޭ ވެސް ބުންޏެވެ. އެހެންނަމަވެސް ހުއްޓެއް ނުލިއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ ރިންގާއި ވައިބުރޭޝަން ވެސް ކަނޑައިލާށެވެ.
ޖެހިގެން އައި ދުވަހު ވެސް ކަން ދިމާވީ އެ ގޮތަށެވެ. އޮފީހަށް ގޮސް މަސައްކަތްފެށިތަނާ އަނެއްކާ ވެސް ނަޖާހުގެ އުނދަގޫ ޖެހުނެވެ. އިރުއިރުކޮޅުން ގުޅަނީއެވެ. އެންމެ ފަހުން ބޮލަށް ތުރާވެގެން ޝިމާނާ ގުޅީ ފަރީހާއަށެވެ. ހަދާނޭ ގޮތެއްް ނޭނގިގެންނެވެ.
“ނަގާފަ ބުނެބަލަ ނުގުޅާށޭ! އުނދަގޫވެޔޭ.”
“ބުނެފީމޭ.”
“ކީކޭ ބުނީ؟”
“އެއްވެސް އެއްޗެއް ނުބުނޭ! ދެން ނޭނގެ ހަދާނެ ގޮތެއް. އޮފީހުގެ ކަމެއް ވެސް ނުކުރެވިގެން މި އުޅެނީ.” ޝިމާނާގެ އަޑު ބާރުވިއެވެ.
“ޝިމާނާ!” ފަރީހާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
“އަނެއްކާ މިހާރު ވެސް އެބަ ގުޅާ!”
“އެހެން ނަންބަރެއް ނަގަންވީނު.” ފަރީހާ ވިސްނައިލާފައި ޚިޔާލެއް ދިނެވެ.
“އޭރުން ފައި ކީކޭބާ ބުނާނީ؟”
“ބުނޭ އެ ނަންބަރު ގެންގުޅޭތާ ގިނަ ދުވަސްވީމާ ފޫހިވެގެން ބަދަލުކޮށްލީއޭ.”
“ތިހެން ވިއްޔާ މަށާ އިނދެފައި ވެސް, ދުވަސްކޮޅެއްވާއިރަށް ފޫހިވެގެން އެހެން މީހަކު ހޯދާނެތާ!” ޝިމާނާގެ އެ ޖަވާބާއެކު ފައިރޫޒު ސަމާސާކޮށްލިއެވެ.
ސިމާނާއާއި ފައިރޫޒު އޮއިސިސްގެ ހަމަހިމޭން މާޙައުލުގައި، ލޯބީގެ ދުނިޔެއަކަށް ގެނބިފައި ތިބިއިރު، ނަޖާހުގެ ހިތުގެ މާޔޫސްކަން ވަނީ ކޮޅުންލައިފައެވެ. އޭނާ މަސްވެެރިންގެ ޕާކުގައި އިނދެ، ޝިމާނާއަށް ގުޅޭތޯ އެތައް މަސައްކަތެއް ކުރުމަށްފަހު އެތަނުން ތެދުވެގެން ހިނގައިތީ ދެ ލޮލުން ކަރުނަ ފުހެމުންނެވެ. މަންމަ މާލެއަށް އަންނަ ދުވަސް އައިސް ޖެހެނީއެވެ. މި ހާލުގައި ބަލި މަންމަ ގޮވައިގެން އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަތަކު ފައިސާއެއް ނެތެވެ. ހަށްޓަކު ވަރެއް ނެތެވެ.
“ފަސް ސަތޭކަ ރުފިޔާ ކީއްކުރަން؟ އެއް ހާސް ރުފިޔާ ވެސް ދީފާނަން. އެކަމަކު ނަޖާހު އެބަޖެހޭ އަހަރެން ބުނާ ކަމެއް ވެސް ކުރަން” މަންމަ ޑޮކްޓަރަށް ދައްކަން، ފަސް ސަތޭކަ ރުފިޔާ ދޭން ބުނުމުން ކަމާލު ބުންޏެވެ.
“ހޫނ!” ނަޖާހު ބޯ ޖަހައިލިއެވެ.
“ފުރަތަމަ ކަމަކީ ޝިމާނާގެ ފިކުރުތަކާ ދުރަށް ދިޔުމަށް ޓަކައި މަސައްކަތްކުރުން. ތިގޮތަށް މަސްވެރިންގެ ޕާކުން ޖުމުހޫރީ މައިދާނުން ހިނގިޔަކަސް ކަމަކު ނުދާނެ. ގަވާއިދުން ފަސް ވަގުތު މިސްކިތަށް އަރަންފަށަންވީ. ނަމާދުކޮށްގެން ﷲއަށް ހިތް ނިޔަތް ޚާލިސްކޮށްގެން ދުޢާކޮށްބަލަ! ބޭނުންވާ ކަންކަމަށް އެދިގެން ދުޢާ ކުރުމަށްވުރެ ރަނގަޅު އެއްވެސް ފަރުވާއެއް ނޯންނާނެ! ދެވަނަ ކަމަކީ ބަރާބަރަށް ވަޒީފާއަށް ނިކުތުން.”
“ބަލާނަން.” ނަޖާހު އަނެއްކާ ވެސް ބޯ ޖަހައިލިއެވެ.
“ބަލާނަމޭ ބުންޏަކަސް ކަމަކު ނުދާނެ! މި ރެއިން ފެށިގެން އެންމެ ނަމާދެއް ވެސް ވައްޓާނުލައި މަތިން ފައިސާ މި ދެނީ.” ޖީބުން ވޮލެޓް ނަގަމުން ނަޖާހުގެ މޫނަށް ކަމާލު ބަލައިލިއެވެ. “މި ފައިސާ އަނބުރައި ދޭކަށް ނުޖެހޭނެ!” ފަސް ސަތޭކަ ރުފިޔާގެ ދެ ނޫޓު ނަޖާހުގެ އަތަށް ކަމާލު ދިނެވެ.
ކަމާލު ދެއްކި ވާހަކަތަކަށް ނަޖާހު ވަރަށް ފުންކޮށް ވިސްނިއެވެ. ޙަޤީޤަތުގައި އޭނާއަށް އުޅެވެނީ އެންމެ ރަނގަޅަށް ނޫންކަން، މި ރޭ އޭނާއަށް ފުރަތަމަ ފަހަރަށް ޤަބޫލުކުރެވުނެވެ. މީހަކަށް އުނދަގުލެއް ތުރާލެއް ނުކުރި ނަމަވެސް، ކުރަންޖެހޭ ވަރަށް މުހިންމުކަމެއް އޭނާއަށް ވަނީ ދޫކޮށްލެވިފައެވެ. ހުކުރު ދުވަހުގެ ހުކުރު ނަމާދުގައި ނޫނީ، އޭނާއަށް ސަޖިދައެއް ނުޖެހެއެވެ.
އެ ރޭ ނަޖާހު ގެއަށް ގޮސް ފެންވަރައިގެން އެރީ މިސްކިތަށެވެ. އިޝާނަމާދުކޮށްލައިގެން މިސްކިތުގައި ބައިގަޑިއެއްހައި އިރު މަޑުކޮށްލިއެވެ. ހިތަށް ހަމަޖެހުން ދެއްވުން އެދި ދުޢާކޮށްލައި މުސްޙަފު ނަގައިގެން، ވައްޟުޙާއިން ދަށުގެ ސޫރަތްތައް ކިޔަވައިލިއެވެ.
މިސްކިތުން ފޭބިއިރު ނަޖާހުގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. ކުރިން ހުރި މާޔޫސްކަމާއި ނުތަނަވަސްކަމަށް ކޮންމެވެސް މިންވަރެއްގެ ފަރުވާއެެއް ލިބިފައެވެ. އެހެން ރޭރޭ އެތައް އިރަކު އޮވެ، އެތައް ފުރޮޅުމަކަށްފަހު ނޫނީ ނުނިދޭ ނަޖާހަށް، މި ރޭ ވަރަށް ފަސޭހައިން ނިދިއްޖެ ވެސް މެއެވެ.
ޝިމާނާއާއި ފައިރޫޒުގެ ކައިވެނީގެ ތާރީޚު ކަނޑައެޅިއްޖެއެވެ. ދެ ފަރާތުގެ އާއިލާގެ ރުހުމާއެކުގައެވެ. އެހެންކަމުން އެ ދެ ކުދީންގެ ހިތުގައި ޖަހަމުން ދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހަމަހިމޭން ވިންދުތަކެވެ. އެތައް ދުވަހަކު ރުޅިކޮށް އުޅުނު ހިނިތުންވުން މިހާރު ޝިމާނާގެ ތުންފަތް މައްޗަށް ބަހާރުގެ އުފާވެރިކަން ގެނެސްދީފިއެވެ. އޮފީހުގައި ނެގިމަޑުވެފައި އިން އިނުމަށް ނިމުން އަތުވެއްޖެއެވެ. ނަންބަރު ބަދަލުކުރުން ވެގެންދިޔައީ، ނަޖާހުގެ އުނދަގުލުން ވެސް މިންޖުވި ކަމަކަށެވެ. ހުރިހައި ޝުކުރެއް ފަރީހާއަށެވެ.
“ތި ޝުކުރަށްވުރެ، އަޑުގައި ތިހިރަ އުފާވެރިކަމުން މަށަށް ލިބުނު ހިތްހަމަޖެހުން މާ ބޮޑުވެއްޖެ.” ޝިމާނާ ޝުކުރުއަދާކުރުމުން، ފަރީހާ ސަމާސާކޮށްލީ ޙަޤީޤަތް ހާމަކުރަމުންނެވެ.
އެއަށްފަހު ވިއްސަކަށް މިނެޓަށް ދިގުދެމިގެން ދިޔަ ފޯނުކޯލުގައި ދެކެވުނީ ޝިމާނާގެ ކައިވެނީގެ ވާހަކަތަކެވެ. ޕާޓީގެ ވާހަކައާއި ކައިވެނީގެ ހެދުމުގެ ވާހަކައެވެ. ފައިރޫޒްމެންގޭގައި، އެ ދެމަފިރިންނަށް ތައްޔާރުކުރާ ކޮޓަރީގެ ވާހަކައާއި ފައިރޫޒުގެ އާއިލާގެ މީހުންގެ ހެޔޮކަމުގެ ވާހަކައެވެ. ފާއިތުވާ ކޮންމެ ސިކުންތަކު، ޝިމާނާ އައީ، ފިޔަވަޅަކަށްފަހު ފިޔަވަޅަކުން އުހަށް އަރަމުންނެވެ. އުފާވެރިކަމުގެ ބަލިކަށި ސިޑިންނެވެ. ވެއްޓި އިނދަޖެހިދާނޭކަމުގެ ޚިޔާލެއް ފިކުރެއް ނެތިއެވެ.
ނަޖާހު ހުރީ މާލޭގެ އުތުރުފަރާތު ބަނދަރުމަތީގައެވެ. މެންދުރުނަމާދުން ފައިބައިގެން، ކައިރީގައި ހުރި ހޮޓަލަށް ވަދެ، އާދައިގެ ބަތަކާއި ގަރުދިޔައެއް ނަގައިގެން ކައި ނިމުނު އިރު ދޭއްޖަހައި ބޮޑުވެއްޖެއެވެ. ރަށު ދޯނި ލަފާނޭކަމަށް ބުނެފައި އޮތީ، ތިނެއްޖަހައި އެހައިކަންހައި އިރުއެވެ. އެހެންކަމުން ލޯކަލްމާރުކޭޓާ ދިމާ ހިޔަލުގައި މަޑުކޮށްލައިގެން އޭނާ ހުރީ، ކޮޅުކޮޅަށް ހިނގާ މީހުންނާއި ދުއްވާތަކެތީން ރަކަރަކައަޅާފައިވާ މާޙައުލުގައި، އެކި މީސްމީހުންގެ އެކި މަސައްކަތްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ.
މާ ގިނައިރު އެ ގޮތުގައި ހުންނާކަށް ނަޖާހަކަށް ނުޖެހުނެވެ. އުތުރުފަރާތު ކަނޑިންމައިން ދޯނި ވަދެގެން އަންނަތަން ފެނިއްޖެއެވެ. މަންމައާ ބައްދަލުނުވާތާ ހަތަރުވަރަކަށް މަސް ވެއްޖެއެވެ. އެހެންކަމުން ނަޖާހު ހުރީ މަންމަ ދެކިލާހިތުން ކެތްމަދުވެފައެވެ. މަންމައާ ވަކިން މާލޭގައި އޭނާ ދިރިއުޅެނީ، މާލޭގެ ދިރިއުޅުން ފަސޭހަވެގެނެއް ނޫނެވެ. ކިޔެވިފައި ނެތުމުން، އަދާކުރާނެ ވަޒީފާއެއް ރަށުން ނުލިބުނީމައެވެ. ފައިސާ ހޯދައިގެން ނޫނީ އުޅެވެން ނެތީމައެވެ.
ދޯނި ކައިރިކުރުމާއެކު ނަޖާހު އަވަސް އަވަހަށް ދޯންޏަށް އެރިއެވެ. ހައްތާވެސް ދަންނަ ރައްޓެހިންނެވެ. ދުރުތާ ތިމާގެ މީހުންނެވެ. ފިޔަވަޅަށް މަޑުވެސް ޖައްސައިލުމެއް ނެތި، އޭނާ ދިޔައީ ހިޔާގަނޑުގެ ތެރޭގައި އިން މަންމަގެ ގާތަށެވެ. މަންމަގެ ގައިގައި އޭނާ ބައްދާލައި ފިރުމައިލީ، ލޯތްބާއި ކުލުނުން ފުރިފައިވާ އަތަކުންނެވެ. އެހައިތަނުން އޭނާ އަވަސްވެގަތީ މަންމަ ބާލައި ގެއަށް ގެންދިޔުމުގެ ކަންކަމައިގެންނެވެ.
މަންމަ ގެނެސް ކޮޓަރިއަށް ވައްދާފައި، ނަޖާހު ދިޔައީ މަންމައަށް ކައިއެއްޗެއް ގަންނާށެވެ. މަންމައަށް ކެވޭކަހަލަ އެއްޗެއް ގަނެގެން އައިއިރު، މަންމަ އިނީ ފެންވަރައިގެންނެވެ.
“މަންމާ! އަވަހަށް ހިނގާ ކާން ދޯ! މި ރޭ ވާނެ ޑޮކްޓަރަށް ދައްކަން ދާން ވެސް.” ނަޖާހު އައިސް މަންގެ ގާތުގައި އިށީނދެ، މަންމަގެ ބުރަކަށީގައި ފިރުމައިލިއެވެ.
“މި ކޮޓަރި ހާދަ ހޫނޭ ދޯ!”
“އިރުކޮަޅަކުން ފިނިވާން ފަށާނެ! ފުރަތަމަ ހިނގާ އޮރެންޖެއް ކައިލަން!” ގެނައި އޮރެންޖު ކޮތަޅުން ނަޖާހު އޮރެންޖެއް ނެގިއެވެ.
އޮރެންޖު މަށާލައިގެން އައިސް މަންމަގެ ގާތުގައި ނަޖާހު އިށީނދެ، ހުތަކުން ހުތަކުން މަންމައަށް ދޭންފެށިއެވެ.
“މީރު؟” ނަޖާހު އަހައިލިއެވެ. “ރަށުން މި ކަހަލަ އެއްޗެއް ވެސް ނުލިބޭ ދޯ!”
“އާނ! ދަރިފުޅު ކައިގެން ތި އުޅެނީ؟”
“އާނ! މާ ގިނައިން ވެސް މިއަދު ކެވިގެން މި އުޅެނީ.” ނަޖާހު ހިނިތުންވެލިއެވެ.
“އެ މަންޖެ ގޮވައިގެން ދޯ މި ރޭ ޑޮކްޓަރަށް ދައްކަން ދާނީ؟”
އިރުކޮޅަކު އިނދެފައި މަންމަ ބުނި އެއްޗަކުން، ނަޖާހުގެ ހަރަކާތަށް ވަގުތުން ހުއްޓުން އަރައިފިއެވެ. މަންމަ އެ ބުނީ ޝިމާނާގެ ވާހަކައެވެ. އޭނާއަށް އޮތީ އެއް ދުވަހަކު ޝިމާނާގެ ވާހަކަ މަންމަގާތުގައި ބުނެވިފައެވެ. މީހަކާ އިންނަން އުޅޭ ވާހަކައެވެ. މަންމަ މާލެ އައިހާ އަވަހަކަށް ބައްދަލުކުރުވާނެ ވާހަކައެވެ. އެ ވާހަކަ އޭނާ ދެއްކީ، ޝިމާނާއާ ގުޅުން އޮތް ދުވަސްވަރުއެެވެ.
“ދަރިފުޅު ކީއްވެ އެއްޗެއް ނުބުނީ؟” މަންމަގެ ސުވާލުން އޭނާ ސިހުނެވެ.
“އެބަ އަންނަން އަތް ދޮވެލައިގެން.” ނަޖާހަށް ގޮސް ފާހާނާއަށް ވަދެވުނީ ހަމަ ކިރިއާއެވެ. ރޮވިއްޖެއެވެ. މަންމަގެ އެ ޖުމުލައާއެކު، އޭނާގެ ހިތުގައި ލެވިފައިވާ ޒަޚަމްތަކުގައި ވޭން އަޅަންފެށީއެވެ. އެ ފިކުރުތަކާ ދުރުގައި އުޅުމަށް ނިޔަތްގަނެ، އެ ކަމަށް މަސައްކަތް ފަށައިގެން އުޅެނިކޮށް، މަންމަގެ އެ ވާހަކައާ ގުޅިގެން ހިތްވަރު ބަލިވެއްޖެއެވެ.
ނަޖާހު ފާހާނާއިން ނިކުތީ ހިތަށް ކޮންމެވެސްވަރެއްގެ ލުޔެއް ދީގެންނެވެ. ހިތުގައި އުފެދުނު އުދާސްތަކުން މިންވަރެއް، ކަރުނައާ ހަވާލުކޮށް ބޭރުކޮށްލައިގެންނެވެ.
“އެ މަންޖެ އުޅެނީ އޮފީހެއްގައިތަ؟” ނަޖާހު ނިކުތުމާއެކު އަނެއްކާ ވެސް މަންމަ ފެށީ ޝިމާނާގެ ވާހަކައެވެ.
“އާނ!” މަންމައާ ދިމާއަށް ބަލައިވެސްނުލައި، ވަރަށް ކުރުކޮށް ނަޖާހު ޖަވާބުދިނެވެ.
“ހަނދާންކޮށް އެ މަންޖެ މި ރޭ ގެންނާތި! މަންމަ މި އިންނަނީ އެ މަންޖެ ވަރަށް ދެކިލާހިތްވެފައި.”
މަންމަގެ އެ ބުނުމަށް ޖަވާބެއް ދޭހައި ހިތްވަރެއް ނަޖާހަކަށް ނުލިބުނެވެ. އޭނާއަށް ކުރެވުނުހައި ވެސް ކަމަކީ ބޯ ޖަހައިލުމެވެ. މަންމައަށް ސިއްރުން ދެ ލޯ ފޮހެލަމުންނެވެ.
އިރުގެ ހޫނު ދޯދިތަކުގެ އާވި މަޑުމަވުން އައި ވަރަކަށް، ދުވަހުގެ ނިމުން އަންނަނީ ކައިރިވަމުންނެވެ. ކައިވެނީގެ ކަންކަމަށް ވަގުތު ހުސްކުރަމުން އަންނަ ޝިމާނާ ތައްޔާރުވަމުން އައީ ފައިރޫޒު އަންނާންވާއިރަށް ތައްޔާރުވެލައިގެން ނިކުންނާށެވެ. ގަންނާން ހުރި ބައެއް އެއްޗެހި ގަންނާން ދާށެވެ.
ޝިމާނާ ނިކުތްއިރު ފައިރޫޒު އިނީ ދޮރާށިދޮށުގައެވެ. ފައިރޫޒު ފެނުމާއެކު ޝިމާނާ ހިނިތުންވެލިއެވެ. ޝިމާނާގެ ރީތި މޫނު ފެނުމުން ފައިރޫޒުގެ ހިތަށް އަބަދުވެސް ފިނިކަން ލިބެއެވެ. ފައިރޫޒު އެންމެ އުފާވަނީ، ޝިމާނާ ކަހަލަ ރީތި ކުއްޖަކު އޭނާގެ އަނތްބަކަށް ވާތީއެވެ. އޭނާގެ އެކުވެރިން ވެސް އޭނާއާ ދިމާއަށް އެ ބަސް ބުނެއެވެ. އެހައި ރީތި ކުއްޖަކު ހޯދީ ކިހިނެއް ހެއްޔެވެ؟ ޝިމާނާއަށް ވެސް ފައިރޫޒުގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކުރެވެއެވެ.
މަގަށް ނިކުމެ ސައިކަލަށް އެރުމަށް ޓަކައި ހިނގައިގަތް ވަގުތު، ޝިމާނާގެ ލޮލުގައި އަޅައިގަތީ، މަގުގެ އަނެއްކޮޅުން އެ ދިމާއަށް ހިނގާފައި އަންނަ ނަޖާހެވެ. ނަޖާހުގެ ސޫރަ ފެނުމާއެކު، ޝިމާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މޭ ތެޅިގަތީ ވަރަށް ބާރަށެވެ. ނަސީބަކުން އަދި އޭނާ ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާ މި ހިސާބަށް އަންނާންވާއިރަށް އެ މީހުންނަށް، މާ ރަނގަޅަށް ވެސް ދެވޭނެއެވެ.
“އަވަހަށް ނައްޓާލާ!” ސައިކަލަށް އެރިގޮތަށް ޝިމާނާ އަވަސް އަވަހަށް ބުންޏެވެ.
ފައިރޫޒް ސައިކަލުގެ ހަރު ނައްޓާލުމަށްފަހު އިސްޓާޓްކޮށްލިއެވެ. ހަމަ އެ ވަގުތު ފައިރޫޒުގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ. އޭނާ ޖީބުގައި އޮތް ފޯނު ނެގިއެވެ.
“އިހަށް ނައްޓާލާ! ފަހުން ވެސް ފޯނު ނެގިދާނެ!”
“ބައްޕައޭ މި ގުޅަނީ.” ޝިމާނާއަށް ފޯނު ދައްކާލަމުން ފައިރޫޒު ފޯނު ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ!”
ބިރުން ވިރިވިރި އިން ޝިމާނާއަށް އެނބުރި ފަހަތަށް ބަލައިލެވުނެވެ. އޭރު ނަޖާހު އެ މީހުންނާ ވަރަށް ގާތަށް އަތުވެއްޖެއެވެ.
ޝިމާނާގެ ހިތުގެ ތެޅުން ކުރިއަށްވުރެ ވެސް ބާރުވިއެވެ. ހަތަރެސްފައި ތުރުތުރުއަޅާން ފެށިއެވެ. ހާސްވެ ކަންބޮޑުވި ވަރުން ދާ ހިއްލާން ވެސް ފަށައިފިއެވެ. ފޯނުގައި އިން ފައިރޫޒު ދައްކާ ވާހަކައެއް އޭނާއަކަށް ނީވެއެވެ. ފައިރޫޒުގެ ގައިގައި ބައްދައިލަމުން، އޭނާއަށް އަނެއްކާ ވެސް ބަލައިލެވުނީ ފަހަތަށެވެ. ފެނުނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ކުރިއަށްވުރެ ވެސް ހަލުއި ހިނގުމެއްގައި ނަޖާހު އައިސް، އެ މީހުންނާ އަރައި ހަމަކުރާ ތަނެވެ.
“ފައި… ޕްލީޒް! ދެން ނައްޓާލަބަލަ!”
ޝިމާނާގެ އަޑު ތަންކޮޅެއް ބާރު ވެސް ވެއްޖެއެވެ. ހާސްވެ ކަންބޮޑުވިވަރުން އޭނާ އިނީ ހަމަހޭވެރިކަމުން ބޭރުގައެވެ. ބައްޕަގެ ކޯލެއްގައި އިންދާ، މާ ބާރަށް އެހެން ބުނުމުން ފައިރޫޒު ހިތްހަމަނުޖެހި ފޯނު ކުރުކޮށްލިއެވެ. އެ ވަގުތު ނަޖާހު އައިސް އެ މީހުންނާ އަރައި ހަމަކޮށްފިއެވެ.
“ޝިމާ!” އާދޭހުގެ ރާގުގައި ނަޖާހު އައިސް ޝިމާނާއަށް ގޮވައިލިއެވެ. އެ އަޑަށް ފައިރޫޒަށް އެނބުރި، ނަޖާހާ ދިމާއަށް ބަލައިލެވުނެވެ. “ހިނގާބަލަ އަހަރެމެން ގެއަށް އެއް ފަހަރު ނަމަވެސް ވަދެލަން. މަންމަ…..”
“ތީ ކާކު؟” ހާސްވެ ގޮތްހުސްވެފައި އިން ޝިމާނާ، ނަޖާހު ދަންނަކަމަކަށް ނުހެދިއެެވެ.
“މީ ނަޖާހެއްނު! ޝިމާއަށް އަހަރެން އެނގޭނެ!” ނަޖާހުގެ އަޑުގައި ހުރީ، ހިތާމައާއި ހިތްދަތިކަމެވެ.
“ކޮން ނަޖާހެއް؟ އަހަރެން ނުދަންނަން!” ޝިމާނާގެ މޫނުމަތީން ރުޅިވެރިކަން ފެންނާންފެށިއެވެ.
“ތިހެން ނަހަދާ ޝިމާ! ޝިމާ ދެކިލާހިތުން މަންމަ އިނީ…”
“ފައި ޕްލީޒް! މި ތަނުން ދާން ހިނގާ!”
“މީ ކާކުތަ؟” ނުރުހުމުގެ ނަޒަރަކުން ޝިމާނާގެ މޫނަށް ފައިރޫޒަށް ބަލައިލެވުނެވެ.
“ނޭނގެ މަށަކަށް! މޮޔައެއް ކަންނޭނގެ! ހިނގާދާން!”
“ތިހެން ނުބުނޭ ޝިމާ! މަށަކީ މޮޔައެއް ނޫންކަން ޝިމާއަށް އެނގޭނެ! އެކަމަކު މިހެން ވަންޏާ އަހަރެން މޮޔަވެދާނެ!”
“ކިހިނެެއްވެގެން ތި އުޅެނީ؟ ޝިމާނާ ކަލެއަށް ކީއްކޮށްގެން ތި އުޅެނީ؟”
“ދެން ހިނގާބަލަ ދާން ފައި! މިހެން ތިބީމަ ވަގުތެއްނު ގެއްލޭނީ!”
“ޝިމާ! އިހަށް މަޑުކޮށްބަލަ!” ޝިމާނާގެ އަތުގައި ނަޖާހު ހިފެހެއްޓިއެވެ.
“ގައިގަ އަތްނުލާ ހުރޭ!” ޝިމާނާ އަތް ފޮޅުވައިލިއެވެ “ކީއްވެތަ ފައި ތި މަޑުކުރަނީ؟ މިތަނަށް މީހުން އެއްވާން ފެށީއޭ؟” ޝިމާނާއަށް ރުޅިއާދެވުނެވެ.
“ޝިމާ! އަހަންނަށް ތިހެން ނުހަދާ! ހެޔޮނުވާނެ! އެންމެ ފަހަރަކު މަންމައަށް ފެނިލަން ވިޔަސް…”
“އޭތް! ކިހިނެއް ވެގެން ތި އުޅެނީ؟ ކީކޭތަ ތި ކިޔަނީ؟” ފައިރޫޒަށް މަޑަކުން ނީނދެވުނެވެ. މަގުހިނގާ މީހުން މި ސަރަޙައްދަށް ޖަމާވަމުން ދާތީއާއެކު، ފައިރޫޒު އިނީ ވަރަށް ބޮޑަށް ބޮލަށް އުނދަގޫވެފައެވެ.
“މަންމަ ޝިމާދެކެލާހިތުން އުޅޭތީ…”
“ފައި ދެން ހިނގާބަލަ މި ތަނުން ދާން!” ނަޖާހުގެ ތުރުތުރުއަޅަމުން ދިޔަ އަޑު މެދުކަނޑާލައިފައި، ޝިމާނާ ތަންކޮޅެއް ބާރަށް ބުންޏެވެ.
ނަޖާހުގެ މޫނަށާއި ފެންކަޅިވެފައިވާ ދެ ލޮލަށް ފައިރޫޒު ބަލައިލިއެވެ. އެއަށްފަހު އިރުކޮޅަކުން ސައިކަލު ގިޔަރަށްލައި ދުއްވާލައިއެވެ. ސައިކަލުގެ ފަހަތުން ނަޖާހު ހިނގައިގަތެވެ. އެހެންނަމަވެސް ދެ ތިން ހަތަރު ސިކުންތުގެ ތެރޭގައި އެ މީހުން ގޮސް، ޖެހިގެން އޮތް މަގަށް އަޅައިފިއެވެ. ނަޖާހުގެ ލޯމަތިން ޝިމާނާ ގެއްލިއްޖެއެވެ.
ފައިރޫޒަކީ އާންމުގޮތެއްގައި މާ ބާރަށް ސައިކަލު ދުއްވާ މީހެއް ނޫނެވެ. އެހެންނަމަވެސް މިއަދު އެއާ މުޅިން ތަފާތެވެ. ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ސިކުނޑީގައި އުފެދިފައިވާ ހަލަބޮލިކަމުގެ އަސަރު، ސައިކަލާ ހަމައަށް ވެސް ފޯރާފައިވާ ކަހަލައެވެ. ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވާ މީހުންތަކުން ނައްޓަމުން، ރެކެމުން އޭނާ ދިޔަ ދިޔުމުގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ނުޖެހުނީ ވެސް ހަމަ ކިރިޔާއެވެ.
“ފައި ތަންކޮޅެއް މަޑުން ދުއްވާ!” އަމިއްލަ ނަފުސު ކުޑަގޮޅިއަށްލައި ހައްޔަރުކޮށްގެން އިން، ޝިމާނާއަށް މަޑުމަޑުން ބުނެވުނެވެ. އެކްސިޑެންޓެއް ވެދާނެތީއެވެ.
ފައިރޫޒު އެއްވެސް އެއްޗެއް ނުބުނެއެވެ. އެ ހުރި ބާރު މިނުގައި ގޮސް މަޑުކުރީ، ހެންވޭރުކޮޅު ކާނިވާ ސަރަހައްދުގައި އޮތް ހުސް ބިމަށެވެ. ސައިކަލުގެ ހަރު ޖެއްސުމަށްފަހު، އެނބުރި ފަހަތުގައި އިން ޝިމާނާގެ މޫނަށް އޭނާ ބަލައިލިއެވެ. ޝިމާނާއަށް ވެސް، ފައިރޫޒުގެ މޫނަށް ބަލައިލެވުނެވެ. ޝިމާނާއަށް ފެނުނީ މުޅިން ތަފާތު މޫނެކެވެ. ހިތްހަމަނުޖެހުމުގެ ކުލަވަރު އަތްގަދަކޮށް، ކިލަނބުކޮށްފައިވާ މޫނެކެވެ. އެ ކިލަނބުކަން ފައިރޫޒުގެ މޫނުގެ ރީިތިކަން ވެސް ވަނީ ޖަހައިގެންފައެވެ.
“ކީއްކުރަން މި ތަނަށް މި އައީ؟” ޝިމާނާ ވާހަކަ ދެއްކީ ފިނި ހިތަކާއެކު، މަޑުމައިތިރިކޮށެވެ. އޭނާ ބޭނުންވަނީ ފައިރޫޒު ފިނިކުރާށެވެ. އޭނާގެ އުދާސްވެފައި އޮތް ހިތް، ގަނޑުފެންކޮޅަކަށް ހަދާށެވެ.
“މިއަދު ގަތްވަރުގެ ލަދެއް، ދުވަހަކު ވެސް އަހަރެން ނުގަނޭ!” ފައިރޫޒު އިނީ ޝިމާނާގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ.
“މަ ވެސް ވަރަށް ލަދުގަތް.” ފައިރޫޒުގެ ގައިގައި ޝިމާނާ ބައްދައިލީ ލޯތްބާއެކުގައެވެ.
“ދޮގު ނުހަދާ ރަނގަޅަށް ބުނޭ! އެއީ ކާކު؟” ފައިރޫޒުގެ ގައިން ޝިމާނާ ވަކިކޮށްލިއިރު، ފައިރޫޒުގެ އަޑާއި ރާގުގައި ހަރުކަށިކަން ހުއްޓެވެ.
“އެއީ… ގޭ ދޮށުގައި އުޅޭ، މޮޔަ މީހެއް!” ތެޅިތެޅި އޮތް ހިތަކާއެކު ޝިމާނާ ބުންޏެވެ.
“ކިހިނެއް އޭނާއަށް ޝިމާނާގެ ނަން އެނގުނީ؟ ކޮން މަންމައެއްގެ ވާހަކައެއް އޭނާ އެ ދައްކަނީ؟”
“ނޭނގެ! ދެން ތި ވާހަކަ ބާއްވަބަލަ!” މި ކަމަކާހުރެ، ޝިމާނާގެ ސިކުނޑި ފައިޅައިގެންދާވަރު ވެއްޖެއެވެ.
“އަހަންނަކަށް ޝިމާނާގެ ވާހަކަ ގަބޫލެއް ނުކުރެވޭ!”
“ގަބޫލުކޮށްބަލަ! ހެޔޮނުވާނެ! އަހަރެން ފައިއަކަށް ދޮގެއް ނަހަދާނަމޭ.”
“ދޮގު ހެދިޔަސް ނެހެދިޔަސް ހެޔޮ! އެބަ އުޅޭ ގޯހެއް. ވަރަށް ބޮޑު ގޯހެއް އެބަ އުޅޭ! ކުއްލިއަކަށް ފޯނުނަންބަރު ވެސް ބަދަލުކުރީނު. ރަނގަޅަށް ކިޔައިދީ! އެހެންނޫނީ…”
“ޕްލީޒް ފައި! ދެން ތި ވާހަކަ ހުއްޓާލަބަލަ! މިހެން ތިއްބާ ފިހާރަތައް ވެސް ބަންދުކޮށްފާނެ.”
“ކޮށްފާނެއެއްނު. ކީއްވާނީ؟”
“އަޅެ ތި ގޮތަށް ވާހަކަ ނުދައްކަފާނަންތަ؟” ޝިމާނާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ.
“ބޯ ހަލާކު!” ސައިކަލު އިސްޓާޓުކޮށްލުމަށްފަހު، ފައިރޫޒު ސައިކަލު ދުއްވާލިއެވެ.
ރަތްވިލާގެ ހިތްގައިމު ކުލަތަކުން އުޑުމަތި ފެވެމުން ކުލަޖެހެމުން އަންނަ ވަގުތެވެ. މާލޭގެ އުދާސް މަގުތަކުގެ އުދާސްކަން ރޭގަނޑުގެ ފިނިކަމަށް ތަންދޭން ފަށައިފިއެވެ. ފިކުރެއް ޚިޔާލެއް ނެތި، ބާޒާރުމަތީގައި އުޅެލާފައި އިޤުބާލު އައިސް ގެއަށް ވަންއިރު، މޫނުމަތީން ފެންނާން ހުރީ ވަރުބަލިކަމެއް ނޫނެވެ. ކަންބޮޑުވުމެވެ. ސިޓިންރޫމުގައި ފޯއްކޮށަން އިން ބަދޫރާއާ ދިމާއަށް ބަލައިލަމުން ދޫކޮށްލި ފުން ނޭވާއާއެކު، ބަދޫރާއަށް އިސްއުފުލައި ބަލައިލެވުނެވެ.
“ކޮބާ ޝިމާނާ؟” އިޤުބާލު ފުރަތަމަ ވެސް އެހީ ޝިމާނާގެ ވާހަކައެވެ.
“ފައިރޫޒާއެކު ބޭރަށް ގޮސްވީ.”
“ގޯހެއް ހިނގައިފި.” އިޤުބާލު އައިސް، ޖެހިގެން ހުރި ގޮނޑީގައި އިށީނދެ، ބަދޫރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ކޮން ގޯހެއް؟”
“އަހަރެން މި އައި މަގުމަތީގައި، ކުދީނާގޭ އީސައާ ދިމާވެގެން، ވަރަށް އެހެން ކަހަލަ ވާހަކައެއް ދައްކައިފި.”
“ކީކޭ ކީ؟”
“އޭނަ ބުނީ ކޮންމެވެސް މީހަކު ޝިމާނާގެ އަތުގައި ހިފަހައްޓައިގެން، ކަމަކާ ވަރަށް އާދޭސްކޮށްކޮށްފަ ހިނގައްޖެޔޯ. އޭރު ޝިމާނާ އިނީ، ސައިކަލެއްގެ ފަހަތުގައޭ ވެސް ބުނި.”
“ހަމަތެދެއް؟” ބަދޫރާގެ މޫނުމަތިން ވެސް ކަންބޮޑުވުމުގެ ކުލަވަރު ފެނިގެންދިޔައެވެ.
“އާނ! މަށަށް ހީވަނީ ފައިރޫޒުގެ ފަހަތުގައި އިންދާ، އެ ނަޖާހަށްގަންނައެތި އައިސް ޝިމާނާއާ ދިމާކުރީހެން.”
“ސުބުޙާނަﷲ! ދެން ކިހިނެއް ހަދާނީ؟”
“ތިއޭ މަ ވެސް އަހަން މި އުޅޭ އެއްޗަކީ.”
އިޤުބާލުގެ ދެމަފިރިންނެކޭ އެއް ފަދައިން، ފައިރޫޒުގެ ސައިކަލުގެ ފަހަތުގައި އިން ޝިމާނާގެ ހިތް ވެސް އޮތީ، ހާސްކަމެއްގެ ތެރޭގައި ތެޅިތެޅިއެވެ. ހެންވޭރުކޮޅުން ނައްޓާލިގޮތަށް، ފައިރޫޒު އެއްވެސް ވާހަކައެއް ނުދައްކައެވެ. ޝިމާނާ ތިން ހަތަރު ފަހަރު ވާހަކަ ދައްކަން މަސައްކަތްކޮށްފިއެވެ. އޭނާ އައިގޮތަށް އައިސް މަޑުކޮށްލީ، ޝިމާނާމެންގޭ ކައިރިއަށެވެ.
“ފައިބާ!” ފައިރޫޒުގެ އަޑުގައި ގާތްކަމެއް ނެތްތާނގައި ހުރީ، ހަރުކަށި އަމުރުވެރި ގޮތެކެވެ.
“އެއްޗެހި ގަންނާކަށް ނުދަމުތަ؟” ޝިމާނާއަށް އަހައިލެވުނެވެ. ސައިކަލުން ފައިބާކަށް އޭނާ ބޭނުމެއް ނުވެއެވެ.
“މި ބުނީނު ފައިބާށޭ!” ފައިރޫޒުގެ ޖުމުލަ، ކުރިއަށްވުރެ ވެސް ހަރުކަށްޓެވެ.
ޝިމާނާއަށް އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އިރުކޮަޅަކު އިނދެފައި، މަޑުމަޑުން ސައިކަލުން ފައިބައި ފައިރޫޒާ ދިމާއަށް ބަަލައިލިއެވެ. އޭރު އޭނާގެ ދެ ލޮލަށް ކަރުނަތައް ޖަމާވާން ފަށައިފިއެވެ.
“އެ ކަމުގެ ހަގީގަތް އޮޅުން ނުފިލުވައި، ކައިވެންޏަށް ގަންނާނެ އެއްވެސް އެއްޗެއް ނޯންނާނެ! ޝިމާނާ ތި ހެދީ ދޮގުކަން މަށަށް ސާބިތުވެއްޖިއްޔާ، މިހައި ހިސާބުން ދެ މީހުންގެ ގުޅުން އަބަދަށް ކެނޑުނީ. އަހަރެން އެ މީހަކު ހޯދައި، ތި ކަމެއް ހިނގާފަ އޮތްގޮތެއް އޮޅުން ފިލުވުމަށްފަހު ނޫނީ، ދެން މި ގޭދޮށަކަށް ނާންނާނަން! ނުވެސް ގުޅާނަން! ޝިމާނާ ވެސް މަށަށް ގުޅައިގެން ނުވާނެ!” ޝިމާނާއާ ދިމާއަށް ބަލައި ވެސް ނުލައި، ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު، ފައިރޫޒު ނައްޓާލައިފިއެވެ.
ފައިރޫޒު ދިޔުމާއެކު ޝިމާނާއަށް ރޮވިއްޖެއެވެ. ދެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގެންފިއެެވެ. އޭނާ އަވަސް އަވަހަށް ގެއާ ދިމާއަށް ހިނގައިގަތެވެ. މީހަކަށް އެ މަންޒަރު ފެނުމުގެ ކުރީން ސަލާމަތްވެވޭތޯއެވެ.
ޝިމާނާ އައިސް ގެއަށް ވަންއިރު، ސިޓިންރޫމުގައި އިޤުބާލާއި ބަދޫރާ ތިއްބެވެ. މަންމައާއި ބައްޕަ ފެނިފައި، ޝިމާާނާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އިޤުބާލަށް ފުރަތަމަ ވެސް ބަަލައިލެވުނީ ޝިމާނާގެ މޫނަށެވެ. މޫނުމަތީގައި ހުރި ކުލަވަރާއި ދެ ލޮލުގައި ހުރި ކަރުނައިގެ ތެތްކަން ފެނިފައި، އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.
“ކިހިނެއްވީ ދަރިފުޅާ؟ ކޮބާ ފައިރޫޒް؟”
އިޤުބާލުގެ މި ސުވާލާއެކު ޝިމާނާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އޭނާއަށް ގޮސް މަންމަގެ ގައިގައި ބައްދައިގަނެވުނެވެ.
“ދަރިފުޅާ! ކިހިނެއްވީ؟”
މަންމަގެ އެ ސުވާލަށް ޝިމާނާއަކަށް ޖަވާބެއް ނުދެވުނެވެ. ހަމަ ރޮވެނީއެވެ.
“ކިހިނެއްވީ؟ ހުއްޓާލައިފައި ވީ ގޮތެއް ބުނެބަލަ!”
“ދަރިފުޅާ! ކިހިނެއްވީ އަނެއްކާ؟” އިޤުބާލުގެ މޭ ބާރަށް ތެޅެމުން ދެއެވެ.
“ފައި… ފައި… ހިނގައްޖެ!”
“ކޮންތާކަށް؟”
“އަހަރެން… ދެކެ… ރުޅި އައިސްގެން…..” ގިސްލެވޭވަރުން ޝިމާނާއަށް ވާހަކަ ދެއްކޭވަރެއް ނުވެއެވެ.
“ކޮންކަމަކާ؟ ކޮންކަމަކާ ދަރިފުޅުދެކެ ރުޅި އައީ؟” އިޤުބާލަށް އަވަސްއަވަހަށް އަހައިލެވުނެވެ. މޭމަތީގައި އަތް އަޅައިލަމުންނެވެ.
“ނަޖާހު….. ނަޖާހު މިއަދު އައީ. އޭނަ އައިސް އުޅުނު ގޮތުން… ފައިރޫޒަށް ޝައްކުވީ. އޭނަ ބުނީ ނަޖާހުގާތުގައި އަހާނަމޯ! ހުރިހާކަމެއް… އޮޅުންފިލުވާނަމޯ. އަހަރެން ދޮގުހެދިކަން އެނގިއްޖެއްޔާ…. ކައިވެންޏެއް ނުކުރާނަމޭ ވެސް ބުނި!” ޝިމާނާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.
“ކައިވެންޏެއް ނުކުރާނަމޭ؟” އިޤުބާލުގެ ހިތަށް ދޮން ދަަނގަޑެއް ގޯޅައިލި ކަހަލައެވެ.
“ކިހައި ދެރަ ގޮތެއް ތި ވީ!” ބަދޫރާގެ މޫނުމަތިން ވެސް، ހިތާމައިގެ ކުލަވަރު ފެނިގެން ދިޔައެވެ.
“ފައިރޫޒަށް އެނގޭނެތަ އެ ނަޖާހަކު އުޅޭތަނެއް؟” އިޤުބާލުގެ އަޑާއި ރާގުން، ނުރުހުމުގެ އަސަރު ފާޅުވިއެވެ.
“ނޭނގޭނެ! އެކަމަކު އޭނާ ބުނި ހޯދާނަމޭ! އަޅެ ދެން ކިހިނެއް ހަދާނީ ބައްޕާ؟”
ޝިމާނާގެ ސުވާލަށް، އިޤުބާލުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ފެނުނީ، ގޭތެރޭގައި ދެކޮޅަށްދެކޮޅަށް ހިނގާންފެށި ތަނެވެ. ހާސްވެ ފިކުރުބޮޑުވެފައި ހުރެއެވެ. އިރުކޮޅަކުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
އެ ރެއަށްފަހު ދެ ދުވަސް ފާއިތުވެ ދިޔައިރު، ފައިރޫޒުގެ ޚަބަރެއްވީ އެންމެ ފަހަރަކުއެވެ. އެއީ ވެސް ނަޖާހު އުޅޭތަނެއް އޮޅުންފިލުވާށެވެ. ޝިމާނާއަށް ރޮވޭވަރުން އެއްޗެއް ނުބުނެވުމުން ފައިރޫޒު ފޯނު ބޭއްވީއެވެ. އޭގެފަހުން ޝިމާނާ އެތައް ވަރަކަށް ގުޅައިފިއެވެ. އެތައް މެސެޖެއް ކޮށްފިއެވެ. ރޮއިރޮއި ދެ ލޮލުން ކަރުނަ ހުސްވަނީއެވެ. އޮފީހަކަށް ނުދެއެވެ. ކެއުމާ ދުރުވެއްޖެއެވެ. މި ހުރިހައި ކަމެއް ފެންނަނީ އިޤުބާލަށެވެ. ބަދޫރާއަށެވެ. އެ ދެމަފިރިންގެ ހިތަށް ލިބިފައިވަނީ ވަރަށް ފުން ހިތާމައެކެވެ. މި ކަން ހައްލުކުރެވޭނޭ ގޮތަކާމެދު، އިޤުބާލު ވިސްނަމުން ގެންދިޔައެވެ. ފައިރޫޒާ ގުޅާފައި ވާހަކަ ދައްކަން ވެސް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެނަސް ކަމުގެ ބާވަތުން ފަސްޖެހެވެނީއެވެ. އެހެން ހައްލަކާމެދު ފިކުރުކުރެވެނީއެވެ.
އިރާކޮޅުގެ ވަގުތެވެ. މަންމަ ޑޮކްޓަރަށް ދައްކާން ގޮސްފައި، ނަޖާހު އައީ، މަންމަ ކާނޭ އެއްޗެހި ވެސް ގަނެގެންނެވެ. ޑޮކްޓަރު ދިން ބޭސް ކާންފެށިފަހުން، މަންމަ މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ. އެހެންކަމުން ނަޖާހުގެ ހިތަށް ވަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައެވެ. ޝިމާނާގެ ފިކުރުތަކުން ވެސް މިހާރު އަންނަނީ ސަލާމަތް ވެވެމުންނެވެ. މިހާރު އޮތީ އެންމެ މައްސަލައެކެވެ. ޝިމާނާގެ ވާހަކަ މަންމަ މާގިނައިން ދައްކާތީ، އެ މައްސަލައެވެ. ކޮންމެ ގޮތެއް ވިޔަސް، ދެން އޭނާ ޝިމާނާގެ ގާތަށް އާދޭސްކުރާކަށް ނުދާނެއެވެ. ކުރީ ދުވަހު އެކަން ކުރެވުނީތީ މިހާރު ދެރަވެއެވެ.
“މަންމަ ދެން ކައިގެން ބޭސް ކާ އިނގޭ! އަހަރެން މި ދަނީ އޮލިމްޕަހަށް.”
“މި ރޭ ވެސް ވަރަށް ލަހުން ދޯ ދަރިފުޅަށް އާދެވޭނީ؟”
“އިރާދަކުރެއްވިއްޔާ ބާރަގަޑި ބައި އެހާކަންހާއިރު އަންނާނަން. ކަމެއް ބޭނުން ވެއްޖިއްޔާ ގުޅައިލާ! މަށަށް ފޯނު ނުނެގުނިއްޔާ ކަމާލަށް ގުޅައިލާ!” ކަމާލަކީ މިހާރު ނަޖާހުގެ މަންމަގެ ވެސް ރައްޓެއްސެކެވެ.
“ދަރިފުޅާ! ނަމާދުކޮށްގެން އެއްޗެއް ކައިގެން ދާތި! އިނގޭ!” މަންމަގެ ގައިގައި ފިރުމާލާފައި ނަޖާހު ހިނގައިގަތުމުން މަންމަ ބުންޏެވެ.
“އާނ!” ނަޖާހު ހިނިތުންވެލިއެވެ. ނަމާދުގެ ވާހަކަ ކަމާލު ދެއްކި ރެއިން ފެށިގެން، އެންމެ ނަމާދެއް ވެސް އޭނާ ވައްޓާނުލައެވެ. ސުންނަތް ނަމާދުތައް ވެސް ކުރެއެވެ. އޭގެ ފޮނި ނަތީޖާ މިހާރު ވެސް އޭނާއަށް ވަނީ ފެނިފައެވެ.
“ތިބުނާ ދަތުރެއް ނިންމާފަ ކިހާތާކު އެ މަންޖެ މާލެ އަންނަނީ؟” އާދައިގެ މަތީން މި ރޭ ވެސް މަންމަ އެ ފެށީ، ޝިމާނާގެ ވާހަކައެވެ. އެއީ މަންމަގެ ދުލުން ދައްކާ، ނަޖާހު އެންމެ ބޮލަށް އުނދަގޫވާ ވާހަކައެވެ.
“އަދި ނޭނގެ މަންމާ!” މަންމައަށް ދޮގުހަދައިގެން އުޅެވޭތީ ނަޖާހު ވަރަށް ކަންބޮޑުވެއެވެ. މިހާރު ނަޖާހު ބޭނުންވަނީ، މަންމައަށް ޙަޤީޤަތް ހާމަކޮށްދޭށެވެ.
“މަންމަ ފުރަންވާއިރަށް އާދެވޭވަރު ވާނެބާ؟” މާލެ އައިއްސުރެ، ޝިމާނާ ދެކެލާހިތުން މަންމަ އިންނަނީ ކެތްތެރިކަން ކުޑަވެފައެވެ.
ނަޖާހު ނިކުތީ މަންމަގެ އެ ސުވާލަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އަޑުއިވޭކަމަށް ނުހެދީއެވެ. އޮލިމްޕަހަށް ދިޔަ މަގުމަތީގައި އޭނާ ވިސްނަމުން ދިޔައީ އެ ކަމާއެވެ. މަންމަގެ އެ ސުވާލުތަކަށް ނިމުމެއް ގެންނާށެވެ. އޭނާ އެންމެ ފަހުން ނިންމީ، މަންމަ ކިތަންމެ ދެރަވިޔަސް، މާދަމާ ހުރިހައި ވާހަކައެއް މަންމައަށް ކިޔައިދީ، އެ އަނދިރިގަނޑުން މަންމަ ނެރޭށެވެ.
އޮމްޕަހަށް މީހުން ވަންނަމުން ދިޔައިރު، އެ ހަލަބޮލި މާހައުލުގައި ޓިކެޓް ކަނޑަން ހުރީ ނަޖާހެވެ. ތަފާތު ވަސްވަހުން އެއްވަސްވެފައިވާ މާޙައުލުގައި ހުރި، ނަޖާހުގެ ތުންފަތްމަތީގައި ހުރީ ލުއިލުއި ހިނިތުންވުމެކެވެ.
ފިލްމު ފެށުމުން ސިނަމާގެ ދޮރުލައްޕާފައި، ނަޖާހު ދިޔައީ ކައުންޓަރާ ދިމާއަށެވެ.
“މިހާރު ނަޖާހުގެ މޫނުމަތީން އަނެއްކާ ވެސް ފިރިހެނެއްގެ ސިފަ ފެންނާން ފަށައިފި.” ނަޖާހު ފެނުމުން ހިނިތުންެލަމުން ކަމާލު ބުންޏެވެ.
“ކީއްވެ ތިހެން ތިބުނީ؟” ނަޖާހު ވެސް ހިނިތުންވެލިއެވެ.
“ފިނޑިކަން ކެނޑުނީމަ.” ކަމާލު ހނިގަނޑެއް ޖަހައިލިއެވެ.
“ނަމާދުކުރުމަކީ ކިހައި ވަރެއްގެ ނަފުސާނީ ހަމަޖެހުމެއް ލިބޭ ކަމެއްކަން މިހާރު އަހަންނަށް އެނގިއްޖެ! ދުޢާއަކީ ކިހައި ބޮޑު ފަރުވާއެއްކަން ވެސް އެނގިއްޖެ! ކަމާލު ދިން އަގުހުރި ނަސޭހަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެވޭނީ.”
“ޙަޤީޤަތުގައި ވެސް އެއަށްވުރެ ބޮޑު ފަރުވާއެއް ނޯންނާނެ! ދުނިޔެއާއި އާޚިރަތަށް ކޮށޭ ތަނަވަސް މަގެއް އެއީ. ދުވަހެއްގެ ކޮޅުން ވެސް ދެން ތިކަން ހުއްޓާނުލާތި! މަންމަ މިހާރު ކިހިނެއް؟ މިއަދު މަންމައާ ދިމައެއް ވެސް ނުވިއެއްނު!”
“މިހާރު ދެން ވަރަށް ރަނގަޅު! މި ރޭ ޓެސްޓުތައް ދައްކާފަ މި އައީ. ބޭސްދީފަ ބުނީ ހަފުތާއެއް ފަހުން އަދި ދައްކާލާށޯ!”
“ދެން ހުރިހައި ކަމެއް ވެސް ދާނީ ރަނގަޅަށް. ހިނގާ ދާން ސައިތަށްޓެއް ބޯލަން!”
ކަރުނައިގެ ދުނިޔެއެއްގައި ވަގުތުތައް ހޭދަކުރަމުން ގެންދާ ޝިމާނާ އޮތީ، އެއް އަތަށް ފޯނު ލައިގެން ކޮޓަރީގައެވެ. މި ވީ ދެ ދުވަހެއްގެ ތެރޭގައި، އޭނާގެ މޫނުމައްޗަށާއި ހަށިގަނޑަށް ވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. އެ މޫނުމަތީގައި ކުރިން ހުންނަ ތާޒާކަން މުޅީން ކެނޑި، ފެންދަމާލައިފައި އޮތް ބިލަމަގަކަށް ވެއްޖެއެވެ. ދެ ލޮލުގެ ވިދުން ކެނޑި، ދެ ތުންފަތް ކުރަކިވެ، ކަޅުވެއްޖެއެވެ.
“ދަރިފުޅާ ހިނގާ ކާންދާން!” ކޮޓަރީ ދޮރު ހުޅުވާލައިފައި ބަދޫރާ ބުންޏެވެ.
“މަންމާ! އަޅެ ފައިރޫޒް އަދިވެސް ފޯނެއް ނުނަގައޭ.”
“ދެން އެކަމާ ނުވިސްނަބަލަ! މީހުން މަރު ވެސް ވެއެއްނު! އިރާދަކުރެއްވިއްޔާ އެއަަށްވުރެ ރަނގަޅު ގޮތެއް ދަރިފުޅަށް އޮތީކަމަށް ވާނީ.”
ދެ މައިން މި ކަހަލަ ވާހަަކަތަކެއްގައި ތިއްބާ، އެ ތަނަށް އިޤުބާލު އަތުވެއްޖެއެވެ. މިހާރަކަށް އައިސް އިޤުބާލު ވެސް ހުންނަނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. އޭނާއަށް މިހާރު ކުރެވެނީ، އަތްމައްޗަށް ބޮޑު ޚަޒާނާއެއް އަރައި، އެއިން އެންމެ ޖަވާހިރެއްހައިހިސާބު ވެސް ނުނެގި އުޅެނިކޮށް، މީހަކު އައިސް އެ ޚަޒާނާ ޖަހައިގަނެގެން ގެންދިޔުމުން ކުރެވޭ ކަހަލަ، ވޭންދެނިވި އިހުސާސެކެވެ.
“ކީކޭ ތި ކިޔަނީ؟”
“ޝިމާނާ އެ ދައްކަނީ ފައިރޫޒުގެ ޚަބަރެއް ނުވާ ވާހަކަ.”
“މިހާރު ނަޖާހާ ފައިރޫޒާ ބައްދަލުވީތަ؟”
“ނޭނގެ! ނަޖާހާ ދިމާވެއްޖިއްޔާ، ހުރިހައި ވާހަކައެއް ނަޖާހު ކިޔައިދޭނެ. އެހިސާބުން ދެން ނޭނގެ ވާނެ…”
ޝިމާނާ ރޯންފެށުމުން، ބަހަކުން ބަހެއް ވެސް ނުބުނެ، އިޤުބާލު ނިކުމެގެން ދިޔައީއެވެ.
މެންދަމުން އަލިވެ ދޭއްޖަހަނީއެވެ. ނަޖާހުގެ މަންމަ އޮތީ، ފޮނިފޮނި ނިންޖެއްގެ ތެރޭގައެވެ. ރަނގަަށް ނުނިދި ދުވަސްތަކެއް ވެފައިވީ ނަމަވެސް، މިހާރު އޭނާއަށް ނިދާލެވެއެވެ. ދޭތެރެއަކުން ހޭލެވުނަސް، ނިދި ހަމަކޮށްލެވެއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ލުއިކަން ލިބޭން ފެށުމުންނެވެ.
އޭނާއަށް ހޭލެވުނީ ދޭއްޖެހިތަނާއެވެ. ލޯ ހުޅުވައިލެވުމާއެކު، ފުރަތަމަ ވެސް ބަލައިލެވުނީ ތިރިއަށެވެ. ދަރިފުޅު ނިދާފައި އޮތްތޯއެވެ. މަންމަ އައިފަހުން ނަޖާހު ނިދަނީ، ތަށިމުށިމަތީގައި ބެޑްޝީޓެއް އަޅައިގެންނެވެ. މަންމައަށް އެނދު ދީފައެވެ.
ނަޖާހު ނެތުމުން އޭނާ ތެދުވިއެވެ. ފާޚާނާ ހުރީ ނިވާލައިފައެވެ. ގަޑިއަށް ބަލައިލިއިރު، ދެގަޑި ދިހައެއް ހިނގައިފިއެެވެ. ނަޖާހު އަދިވެސް ނުނިމެނީ ބާވައެވެ؟ އެކަމަކު މިހާރު ހާދަ ލަސްވެއްޖެއެވެ. އޭނާ ފޯނު ނަގައި ބަަލައިލިއެވެ. ނަޖާހު ގުޅާފައި އޮތްތޯއެވެ. ކަމެއް ދިމާވެގެން ލަސްވަންޏާ، އޭނާ ގުޅާފައި މަންމަގާތުގައި ބުނާނެއެވެ. އެހެންނަމަވެސް މި ރޭ ގުޅާފައެއް ވެސް ނެތެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަލާމާތްތައް ފެނުނެވެ.
ފިކުރު ބޮޑުވެ ހާސްވިވަރުން، ނަޖާހުގެ މަންމަ އަވަސް އަވަހަށް ނަޖާހުގެ ފޯނަށް ގުޅިއެވެ. ފުރަތަމަ ވެސް ބުނީ، ފޯނު ނިވާލައިފައި އޮތް ވާހަކައެވެ. ފޯނު ނިވާލީއެވެ. ނޫނީ ނިވުނީއެވެ. އެހެންނަމަވެސް ފޯނުން އައި މެސެޖަށް އިތުބާރުނުކޮށް، ތިން ހަތަރު ފަހަރު އޭނާ ގުޅިއެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. އޭނާގެ މޫނުމައްޗަށް ވެރިވަމުން ދިޔަ ކަންބޮޑުވުމުގެ އަސަރު ހިނދެއް ހިނދަކަށް އައީ އިތުރުވަމުންނެވެ. އޭނާއަށް އަނެއްކާ ވެސް ބަލައިލެވުނީ ގަޑިއަށެވެ. ދެ ގަޑި ބައިވަނީއެވެ. މިހައި ލަސްވާންދެން ނަޖާހު ބޭރަކު ނޫޅޭނެއެވެ. އޭނާއަކީ ލަޓޯފަޓޯ މީހުން އުޅޭހެން އުޅޭ ކުއްޖެއް ނޫނެވެ. ކުރީން އޭނާގެ ކިބައިގައި ހުރި، ނަމާދަށް ފަރުވާކުޑަކުރުމުގެ އާދަ ވެސް، ﷲގެ ރަޙުމަތާއެކު މިހާރު ވަނީ ބަދަލުވެފައެވެ.
ހަދާނެ ގޮތަކާމެދު ފިކުރުކުރާން އިނދެފައި، އޭނާ ގުޅީ ކަމާލަށެވެ. ކަމާލުގާތުގައި އެހުމުން، ވީ ގޮތެއް ސާފުވެދާނެއެވެ. އޭނާ މަސައްކަތްކުރީ ޝައިތާނާ ހިތަށް ވައްދަމުން ގެންދާ ވަސްވާސްތައް ހިތުން ބޭރުކުރެވޭތޯއެވެ. އެ ވާނީ އޮލިމްޕަސް ސާފުކުރުން ކަހަލަ ކަމެއް، މި ރޭ ފަށައިގެން އުޅެނީކަމަށެވެ. އިރާދަކުރެއްވިއްޔާ ކަމާލަށް ގުޅުމުން، މި ނުތަނަވަސްކަން ފިލާނެއެވެ.
ދެތިން ހަތަރު ރިންގާއެކު ކަމާލު ފޯނު ނަގައިފިއެވެ. ހަލޯއޭ ބުނިއިރު، އެ އަޑުގައި ހުރީ ނިދީގެ ބަރުހެލިކަމެވެ.
“ކަމާލުތަ؟” އަވަސްއަވަހަށް ނަޖާހުގެ މަންމަ އެހިއެވެ.
“އާނ! ނަޖާހު މަންމަ ދޯ؟ ކިހިނެއްވީ އަނެއްކާ؟” ކަމާލު ގަޑިއަށް ބަލައިލިއިރު، ދެ ގަޑި ބައިވެއްޖެއެވެ. އޭނާގެ ނިދިފިލިއެވެ. މި ކަހަލަ ވަގުތެއްގައި ކޮންމެވެސް ބޮޑުކަމެއް ދިމާވެގެން ނޫނީ ނުގުޅާނެއެވެ.
“ކޮން ތާކު ތި އުޅެނީ؟”
“ގޭގަ. ކިހިނެއްވީ އަނެއްކާ؟”
“ކޮބާ ނަޖާހު؟ އޭނަ އަދިވެސް ގެއަކަށް ނާދޭ!”
“ނޭނގެ ދައްތާ! އަހަރެން ތަންކޮޅެއް ކުރިން މި ރޭ ގެއަށް އަތުވެއްޖައިން. އޭރު އިން ކައުންޓަރު ދޮށުގަ.”
“އެ ތާނގައި މި ރޭ އެއްވެސް ކަމެއް އޮންނާނެބާ؟” ނަޖާހުގެ މަންމަގެ ހިތުގެ ނުތަނަވަސްކަން އިތުރުވަމުން، މޭގެ ތެޅުން ހަލުއިވަމުން އާދެއެވެ.
“އިތުރު އެއްވެސް ކަމެއް މި ރެއަކު ނޯންނާނެ!”
“އެކަމަކު….. ފޯނު ވެސް ނިވާލާފަ އޮތީ. ދައްތަ އެބަ ވަރަށް ބިރުގަނޭ!”
“ކިހިނެއްވީބާ އަނެއްކާ؟” ކަމާލު އެނދުން ފޭބިއެވެ.
“އަޅެ ބަލައިލަދީބަލަ އެ ކުއްޖާއަށް ވީ ގޮތެއް! އޭނަ ނާންނަނީހެއް ދައްތައަކަށް ދެން ނުނިދޭނެ! ނަޖާހުގެ މަންމަގެ އަޑު ތުރުތުރުއަޅަން ފެށިއެވެ.
“ކަންބޮޑުނުވޭ ދައްތާ! ދެރަގޮތެއް ނުވާނެ! އަހަރެން މިހާރު މި ދަނީ އެ ދިމާއަށް ދާން. ގޮއްސަ ދައްތައަށް ގުޅާނަން!”
ފަތިސްނަމާދުކޮށްލައިގެން ޝިމާނާ އަނެއްކާ ވެސް ޖައްސައިލީ ނިދާލެވޭތޯއެވެ. މި ރޭ ވެސް އޭނާއަށް ރަނގަޅަކަށް ނުނިދުނެވެ. އެހެންކަމުން އެނދުމަތީގައި ދިގުދެމިލަމުން ލޯ މާރައިލިއެވެ.
ޝިމާނާއަށް ހޭލެވުނީ، ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު ގަޑިން އަށެއް ޖަހަނީއެވެ. ގުޅަނީ ފަރީހާއެވެ.
“ތިން ހަތަރު ދުވަސްވެގެން ދިޔައިރު ޚަބަރެއް ވެސް ނުވޭ! އަދި މީހަކާ އިނީމަ ކިހާ ވަރެއްވާނެބާ!” ޝިމާނާ ފޯނު ނެގުމާއެކު، ފަރީހާ ފެށީ ދިމާކުރާށެވެ. ދިރިއުޅުމަށް ކުއްލިއަކަށް އައި ގުޖަޑުގަނޑަށް ފަހު، އޭނާ، އޭނާގެ އެއްވެސް ރައްޓެއްސަކަށް ނުގުޅައެވެ.
“ކިހިނެެއް ފަރީ؟” ޝިމާނާގެ އަޑުގައި ހުރީ ކުރަކިކަމެވެ. ފަރީހާގެ އެ ސަމާސާގައި ބައިވެރިވާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.
“ތި ސުވާލު ކުރަންވީ މި ކޮޅުން ކަންނޭނގެ! ތިހިރަ އަޑެއް ހުރިގޮތް ބަލާބަލަ!”
“ދެންމެ މި ހޭލެވުނީ.” ޝިމާނާ ތެދުވިއެވެ.
“އޮފީހަށް ވެސް ނުދަންތަ؟ ކައިވެނީގެ ޑޭޓާއެކު އޮފީހުން ވެސް ކެނޑުނީ؟”
“ފަރީ!” ޝިމާނާގެ ހިތުގެ ރިހުން ގަދަވާގޮތްވެއްޖެއެވެ. “ކައިވެނީގެ ވާހަކަ ނުދައްކާ! ހުރިހާކަމެއް އެފުށް މިފުށަށް ޖެހި ނިމިއްޖެ.” ޝިމާނާގެ އަޑު ތުރުތުރުއަޅައިގަތެވެ.
“ކިހިނެއްވީ އަނެއްކާ؟” ފަރީހާގެ ސަމާސާއަޑުގައި، ސީރިޔަސްކަން އުފެދުނެވެ.
ޝިމާނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ތެދުވެ ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން، ކަންދިމާވި ހިތްދަތިގޮތް، ކުރުގޮތަކަށް ފަރީހާއަށް ކިޔައިދިނެވެ. އެ ވާހަކަ ކިޔައިދީ ނިމުނުއިރު، ޝިމާނާއަށް އިނީ ރޮވިފައެވެ.
“ހާދަ ދެރަ ގޮތެކޭ ތި ދިމާވީ؟ އެކަމަކު ތި ކަމުގައި ނަޖާހުގެ ކުށެއް ވެސް ނެތް.”
“ގަބޫލުކުރަން.”
“އޭގެ ފަހުން ފައިރޫޒުގެ އެއްވެސް ޚަބަރެއް ނުވޭ؟”
“ވަރަށް ގިނަ ފަހަރު ގުޅައިގެން އެއް ފަހަރު ނެގި.”
“ކީކޭ ބުނީ؟”
“ނެގި ގޮތަށް ބުނީ ނަޖާހު އުޅޭތަނެއް ބުނާށޯ! ނަޖާހާ ވާހަކަ ދައްކައި، ތިކަން ހިނގާފަ އޮތް ގޮތެއް ބެލުމަށްފަހު ނޫނީ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނޯ. އަހަރެން ރޮއިފަ އާދޭސް ކުރިން.” ޝިމާނާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.
“ތިކަން ހިނގައިދިޔަ ގޮތް، ފައިރޫޒަށް ރަނގަޅަށް ކިޔައިދޭންވީނު.”
“ދެން ކިޔައިދިނީމަ އޭނަ ބަލާނީ އަހަރެން ދޮގުހެދީކަމަށް.”
“ހަތަރު ފަރާތުން ބެދުނީ ދޯ؟” ފައިރީހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “ދެން ކިހިނެއް ހަދާނީ؟”
“ފަރީ މަށަށް ކަމެއް ކޮށްދޭވީނު!”
“ކޮންކަމެއް؟”
“ނަޖާހަށް ގުޅައިލަދޭންވީނު!”
“ކީއްކުރަން؟” ފަރީހާއަކަށް ނުވިސްނުނެވެ.
“ފައިރޫޒު އެ ކަހަލަ ވާހަކައެއް އަހައިފިއްޔާ، އެއީ ޝިމާނާއާ ކޮށްލި ސަމާސާއެކޭ ބުނާށޭ ބުނެދީބަލަ! ނަޖާހުގެ އެހީތެރިކަން ނުލިބި، މި ކަމުން އަހަރެން ސަލާމަތެއް ނުވާނެ!”
“މަށަށް ހީވަނީ ތިކަން ކުރަންވީ ޝިމާނާހެން. ޝިމާނާ ބުނެފިއްޔާ އޭނަ މާ ފަސޭހައިން އެއްބަސްވާނެހެން ހީވަނީ.
“އޭރުން އަނެއްކާ މަގޭ ނަންބަރޭ އޭނައަށް އެނގޭނީ.
“އެކަމަކު ވެސް ޝިމާނާ ގުޅާފަ، ރޮއިލާފަ ބުނީމަ އޭނާއަކަށް ނުކެރޭނެ ނޫނެކޭ ބުނާކަށް. ޓްރައި ކޮށްބަލަ!”
ޝިމާނާއަށް އެ ވާހަކަ ގަބޫލުކުރެވުނެވެ. އޭނާ އެ ކަމާ އެއްބަސްވީ، މި ވަގުތަށް އެހެން ގޮތެއް ނެތީމައެވެ. ކޮންމެ ގޮތެއް ވިޔަސް، މިއަދު އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭނެ ހަމައެކަނި މީހަކީ ނަޖާހެވެ. ނަޖާހުގާތު އާދޭސްކޮށް ސަލާންޖައިހެން ވިޔަސް، އެކަން ވޭތޯ ބަލާން އެބަޖެހެއެވެ.
މެންދުރުކުރީގެ ވަގުތެވެ. އިރުގެ ހޫނު ދޯދިތައް މާލޭގެ މާހައުލުގައި އަލިފާން އާވި އުފައްދަމުން ގެންދެއެވެ. އޭގެ އުދާސްތަކުން ކޮޓަރި ހޫނުވަމުން ދިޔަ ނަމަވެސް، ނަޖާހުގެ މަންމަގެ ހިތުގައި އުފެދިފައި ވަނީ، މުޅިން އެހެން އުދާހެކެވެ. ދެ ލޮލުން އޮހެމުން ދަނީ، ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅު، ވީނުވީއެއް ނޭނގި ގެއްލުމުން ހިތަށް ލިބެމުންދާ އަނިޔާގެ ވޭނީ ކަރުނައެވެ. އޭނާގެ ގާތުގައި ކަމާލު އިނދެ ބުނާ، ހިތްވަރުގެ ބަސްތަކުން، އެ މުސްކުޅި ހިތަށް ލިބޭ އެއްވެސް ފަރުވާއެއް ނެތެވެ.
“ދެން ނުރޮއި ދައްތާ! އިރާދަކުރެއްވިއްޔާ ނަޖާހު ފެންނާނެ. އޭނާ ސަލާމަތުން އައިސް ދައްތަގެ ގައިގައި ބައްދާލައި، ދައްތަގެ ހިތް އުފާކޮށްދޭނެ!”
“ތި ދުވަސް އަތުވެއްޖިއްޔާ ހާދަ ރަނގަޅޭ!” ކަރުނައިން ފޯވެފައިވާ ދެ ލޮލުން، ކަމާލުގެ މޫނަށް އޭނާ ބަލައިލިއެވެ.
“އިރާދަކުރެއްވިއްޔާ އަންނާނެ!” ނަޖާހަށް ވީނުވީއެއް ނޭނގުމުން ކަމާލުގެ ހިތަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
“އެކަމަކު އެ ކުއްޖާ ނެތް ދުނިޔެއެއްގައި، ކާކު ދައްތައަށް އަޅައިލާން ހުރީ؟” އެ ފަކީރަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.
“ކަމާލުގެ ފޮޓޯއެއް ދައްތަގެ އަތުގަ އެބަ އޮތްތަ؟” އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި ކަމާލު އަހައިލިއެވެ.
ކަމާލު ބޭނުންވަނީ ފުލުހުންނަށް ރިޕޯޓުކުރާށެވެ. ކޮންމެ ގޮތެއް ވިޔަސް، މިހާރު ނަޖާހު އެ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ކަމާލަށް ކަށަވަރުވަނީ، ނަޖާހު އަމިއްލަ އަތުން ގޯހެއް ނުހަދާނެކަމެވެ. ޝިމާނާގެ ލޯބީގައިޖެހި ދީވާނާވެގެން އުޅުނެއްކަމަކު، މިހާރު އޭނާ ހުރީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ. އެހެންކަމަށްވާ ނަމަ، އޭނާއަށް އެ ވީ ކީއް ބާވައެވެ؟ އޭނާގެ ދުޝްމަނަކު ހުންނަނީ ބާވައެވެ؟ އެ ކަހަލަ ވާހަކައެއް ދުވަހަކު ވެސް ބުނެފައެއް ނެތެވެ.
ކަމާލު އެ ކޮޓަރިން ނިކުތީ، ނަޖާހުގެ މަންމަގެ އަތުން ލިބުނު ނަޖާހުގެ ފޮޓޯ ހިފައިގެންނެވެ. ނިކުތްގޮތަށް އޭނާ މިސްރާބުޖެހީ، ފުލުސް އޮފީހާދިމާއަށެވެ.
މެންދުރުފަހުގެ ވަގުތެވެ. ފައިރޫޒު އޮތީ އޭނާގެ މަޑުފެހިކުލަ ލާފައިވާ ތަނަވަސް ކޮޓަރީގައެވެ. ފިނިހޫނުމިން، ދަރަޖަ 17 ގައި ހުރި ނަމަވެސް، އޭނާގެ އުދާސްވެފައިވާ ހިތަށް ފިނިކަން ފޯރުކޮށެއް ނުދެވެއެވެ. އެނދުގައި އަޅާފައި އޮތް ފުށްކަފަ ބާލީހެއް ފަދަ މަޑު ގޮދަޑިއަކަށް، އެޭނާގެ ވަރުބަލިވެފައިވާ ހަށިގަނޑަށް އަރާމެއް ހޯދައެއް ނުދެވެއެވެ. އޭނާގެ ފެންދަމާލައިފައި ހުރި މޫނުމަތީން ފެންނަނީ، މާޔޫސްކަމާއި މޮޅިވެރިކަމެވެ. ޝިމާނާއަކީ އޭނާގެ ފުރަތަމަ ލޯބިވެރިޔާއެވެ. އެހެންކަމުން ފުރާނަ ފަދައިން ޝިމާނާދެކެ އޭނާ ލޯބިވެއެވެ. ޝިމާނާއާ ނުގުޅައި، ވާހަކަ ނުދައްކައި، އެންމެ ދުވަހެއް ހޭދަކުރުމަކީ ވެސް ބޮޑު ވޭނެކެވެ. އެހެންނަމަވެސް އޭނާ އައީ ކެތްކުރަމުންނެވެ. ކުއްލިއަކަށް އައިސް މި ލައިގަތީ، ކުޑަކުޑަކަމެއް ނޫނެވެ. މަައްސަލައަކީ ނަޖާހު އުޅޭތަނެއް އަދިވެސް ނޭނގޭތީއެވެ. އެނގޭތޯ އެތައް މަސައްކަތެއް ކޮށްފިއެވެ. ފެނޭތޯ އެތައް ދިމާއެއް ބަލައިފިއެވެ.
ކޮޓަރީގައި ހުރި ޓީވީ، އޭގެ ވާޖިބު އަދާކުރެއެވެ. ބަލާނެ މީހަކު، އަހާނެ މީހަކު ނެތަސް، އެންމެ ސިކުންތަކަށް ވެސް މަޑުޖެހިނުލައެވެ. އަޅުވާފައި ހުރީ ޕީއެސްއެމްއެވެ. ފައިރޫޒުގެ ސަމާލުކަމުގެ ކަށި ޓީވީއާ ދިމާއަށް ހުއްޓުނީ، ކަންފަތުގައި ޖެހުނު ނަމަކުންނެވެ. “ނަޖާހު” މި ނަން އިވިފައެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު 50 އިންޗީގެ ޓީވީގެ ސްކްރީން އޭނާއަށް ދައްކަނީ، އޭނާ ނުފެނިގެން އެ އުޅޭ ނަޖާހުގެ ފޮޓޯއެވެ. ފައިރޫޒު އިނީ ކަންފަތް ކޮޅަށް ޖަހައިގެންނެވެ. ޓީވީން އިވެމުންދާ އިއުލާނު އަޑުއެހުމަށެވެ.
އެ އިޢުލާނު ނިމުނުއިރު ނަޖާހާބެހޭ ގޮތުން ކޮންމެވެސް މިންވަރެއް ފައިރޫޒަށް އޮޅުންފިލިއެވެ. އެއީ ކޮން ރަށެއްގެ ކޮން ގެއެއްގެ މީހެއްކަމާއި އޭނާ ވަޒީފާއަދާކުރަނީ، ކޮން ތަނެއްގައިކަމާއި ރޭގެ ވަގުތެއްގައި ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭކަމެވެ.
އިޢުލާނު ނިމެންދެން ވެސް ފައިރޫޒަށް އިނދެވުނީ ކަޅިޖަހައިނުލައި ޓީވީއަށް ބަލަހައްޓައިގެންނެވެ. އޭރު އޭނާގެ ސިކުނޑި ހަލުއިކަމާއެކު މަސައްކަތްތަކެއް ކުރަމުންދެއެވެ. ފެންނަމުން ދިޔައީ ޝިމާނާ އޭނާގެ ސައިކަލު ފަހަތުގައި އިންދާ، ނަޖާހު އައިސް މަޑުކޮށްލިތަނެވެ. ޝިމާނާގެ ގާތުގައި އާދޭސްކުރަމުން ދިޔަ މަންޒަރެވެ. ފައިރޫޒަށް އޮވެވުނީ ހުއްޓުންއަރާފައެވެ. އިޢުލާނު ނިމި، އެހެން ޕްރޮގްރާމެއް ފެށުނު އިރު ވެސް، އޭނާގެ ކަޅި ޓީވީން ނައްޓައެއް ނުލެވުނެވެ.
“ކީކޭ؟ ނަޖާހު ގެއްލުނީއޭ؟ ޓީވީއިން ދެއްކީއޭ؟ ބަދޫރާ ކީކޭ ތި ކިޔަނީ؟” އިޤުބާލު އައިސް ގެއަށް ވަނުމާއެކު، ސިޓިންރޫމުގައި އިން ބަދޫރާ ފެށި ވާހަކައަކުން، އިޤުބާލަށް ހުރެވުނީ ކުރިއަށް ފިޔަވަޅެއް ވެސް އަޅާން ނޭނގިފައެވެ. ހުއްޓުން އަރާފައެވެ. އޭރު ޝިމާނާ ވެސް އެ ތަނުގައި އިނެވެ.
“އާނ، ދާދި ދެންމެ ޓީވީ އިން އެ ގޮވީ.”
“ތި ވާނީ އެހެން މީހަކަށް.”
“ނޫނެކޭ! ފޮޓޯ ވެސް ދެއްކިއޭ.”
“ސުބުޙާނަﷲ! އެ ސޮރު އަމިއްލައަށް މަރުވީބާ؟” އިޤުބާލުގެ ދެ ލޯ ބޮޑުވިއެވެ.
“ކީކޭ ބުނާނީ؟ މީހަކު ކަމެއްކުރީ ކަމަށް ވެސް ވެދާނެ!”
“އަނެއްކާ ފައިރޫޒް ކަމެއް ކުރީބާ؟” އިޤުބާލުގެ ސިކުނޑި އެކި ފަހަރު އެކި ދިމާއަށް މިސްރާބު ޖަހައެވެ.
“ފައި އެކަހަލަ ކަމެއް ނުކުރާނެ!” އަވަސް އަވަހަށް ޝިމާނާއަށް ބުނެވުނެވެ.
“ބައްޕަގެ ހިތެއް ވެސް ނުުބުނޭ ފައިރޫޒު އެ ކަހަލަ ނުބައި އަމަލެއް ހިންގަފާނެއެކޭ.” އިޤުބާލު އެ ތެރެއަށް ވަންނާން ހިނގައިގަތެވެ. “ދެން އެ ކަމަކާ އަހަރެމެން ފިކުރު ކުރާނެކަމެއް ނެތެއްނު. ބަދޫރާ އާދޭ ކާން ހަދަން! ވަރަށް ބަނޑުހައި ވެއްޖެ!”
ބަދޫރާ ތެދުވުމާއެކު ޝިމާނާ ވެސް ތެދުވިއެވެ. ބަދޫރާ ދިޔައީ ބަދިގެއާ ދިމާއަށެވެ. ޝިމާނާ ގޮސް ވަނީ ކޮޓަރިއަށެވެ. ނަޖާހު ގެއްލުނު ޚަބަރު އިވުނު ހިސާބުން ފެށިގެން، ޝިމާނާގެ ބޮޅަށް ހުންނަނީ ފާޑެއްގެ ގޮތެއް ވެފައެވެ. މިއިން ކޮންމެ ކަމެއް ވެސް އޭނާއަށް އެޅުވެނީ އޭނާގެ އަމިއްލަ ނަފުސުގެ ނޯޓިސްބޯޑުގައެވެ. އެ ނޫން ގޮތަކަށް ވިސްނުން ބަދަލުކުރެވޭތޯ ވެސް އޭނާ މަސައްކަތް ކުރެއެވެ.
ފައިރޫޒު އޮތީ އަދިވެސް ކޮޓަރީގައެވެ. މިހާރު އަސުރުން އިރު ތިރިވެ، ހަވީރުވެއްޖެއެވެ. ނަޖާހު ގެއްލިގެން އިޢުލާނު ކީ ފަހުން ފަންސާހަކަށް ފަހަރު، ޝިމާނާ އޭނާގެ ފޯނަށް ގުޅައިފިއެވެ. ފައިރޫޒު ފޯނެއް ނުނަގައެވެ. މިހާރު ވެސް އެބަ ގުޅައެވެ. ޝިމާނާގެ ކޮންމެ ކޯލެއް ވެސް ނަގަން އޭނާގެ ނުކިޔަމަންތެރި ހިތް އެދެއެވެ. އާދޭސް ވެސް ކުރެއެވެ. އެހެންނަަމަވެސް އަމިއްލަ ހިތުގައި ކޮޅުފައިން ޖަހާފައި އޭނާ އަޅައިނުލަނީއެވެ.
ޝިމާނާގެ ފޯނު ކެނޑިއްޖެއެވެ. އަނެއްކާވެސް ގުޅާން ފަށައިފިއެވެ. ފައިރޫޒުގެ އަތް ފޯނާދިމާއަށް ދަތުރުކޮށްފިއެވެ. އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހަލޯ!”
ފައިރޫޒުގެ އަޑު ޖެހުމާއެކު، ޝިމާނާގެ ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ދެ ލޯ ފެންކަޅިވިއެވެ.
“ފައި! ކިހިނެއް؟ ތި އަޑު ޖެހުނީމާ ވެސް…”
“ކޮން ކަމަކުތަ މާ ވަރަކަށް ތި ގުޅަނީ؟” ޝިމާނާގެ ޖުމުލަ މެދުކަނޑައިލަމުން، ފައިރޫޒު ސުވާލުކުރިއެވެ.
“މިއަދު ޓީވީން ގޮވި އިއުލާނެއް އަޑު އެހިންތަ؟”
“ކޮން އިއުލާނެއް؟” ފައިރޫޒު އެނގޭކަމަކަށް ނުހެދިއެވެ.
“އެއްކަލަ ނަޖާހު ގެއްލިގެން އެބަ އުޅެޔޯ!”
“އެ ކަމާ ދެރަވެގެންތަ ތި އުޅެނީ؟” ފައިރޫޒުގެ އަޑުގައި ހުރީ މަލާމާތުގެ ރާގެކެވެ.
“ކުރިން ވެސް މަ ބުނީމެއްނު އެއީ މޮޔަ މީހެކޭ. ހަމަ މީހެއް ނޫނޭ! އަހަންނަށް ހީވަނީ އޭނާ އަމިއްލައަށް މަރުވީހެން.”
“ޝިމާނާގެ ދުނިޔޭގަ އުޅޭނީ ހައްތާވެސް މޮޔައިންނެއްނު! ނަޖާހަކީ ވެސް މޮޔައެއް! މަށަކީ ވެސް މޮޔައެއް! ހަމަޖެހޭ މީހަކީ ޝިމާނާ އެކަނި.”
“ފައި ދެން ތި ރުޅިގަނޑު މަޑުކޮށްބަލަ! ތިހެން އުޅޭތާ މިހާރު ކިހައި ދުވަހެއް!” ޝިމާނާގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.
“ރުޅި މަޑުކުރާށޭ ބުނާއިރު އަދިވެސް ޝިމާނާ މަސައްކަތް ތި ކުރަނީ މަށަށް އޮޅުވާލަން! ތި ބުނާ އިއުލާނެއް މަ ވެސް އަޑުއެހީމޭ. މޮޔައިން ތަންތަނުގެ ވަޒީފާގައި އުޅޭތަ؟ ބޭކާރު ވާހަކަ ދައްކަން ނުހަދާ!” ފައިރޫޒު ފޯނު ކަނޑާލިއެވެ. ގިނަ އިރެއްނުވެ، އަނެއްކާވެސް ޝިމާނާ ގުޅަންފެށިއެވެ. ރިންގު އޮފްކޮށްލުމަށްފަހު، ފައިރޫޒް ފޯނު ދުރަށް ޖައްސާލިއެވެ.
އިޝާނަމާދުން ދަންވެއްޖެއެވެ. ގަޑިން ނުވައެއް ޖަހަނީއެވެ. މަޖިދީމަގުގައި ކޮޅުކޮޅަށް ދަތުރުކުރާ މީހުންތަކުގެ ތެރެއިން އައިސް އޮލިމްޕަސް ކައިރިއަށް މަޑުކޮށްލީ ފައިރޫޒެވެ. ސައިކަލު ޕާކްކޮށްލުމަށްފަހު، އޭނާ އޮލިމްޕަހަށް ވަނެވެ. މި ރެއަކު އޮލިމްޕަހަކު ފިލްމެއް އަޅުވާފައެއް ނެތެވެ. އެހެންކަމުން އޮލިމްޕަސް ތެރޭގައި އޮތީ ހަމަހިމޭންކަމާއި ފަޅުކަމެވެ.
ފައިރޫޒް ހިނގައިގަތީ ޓިކެޓް ކައުންޓަރާ ދިމާއަށެވެ. އެ ތަނުގައި ޒުވާން ކުއްޖަކު އިނެވެ. އޭނާ ގޮސް ސަލާންގޮވައިލުމުން އެ ސޮރު އިސް އުފުލައި ބަލައިލިއެވެ.
“ގެއްލިގެން އެ އުޅޭ ނަޖާހަކީ، މި ތަނުގައި އުޅޭ މީހެއްތަ؟”
އާނ! މި ތާ ޖޮބްގަ އުޅޭ މީހެއް! ކިހިނެއްވީ؟” ފައިރޫޒުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަަހައްޓައިގެން ހުރެ އެ ސޮރު ޖަވާބުދިނުމަށްފަހު ސުވާލު ކުރިއެވެ.
“ކަމެއް ނުވޭ! ހަމަ އަހައިލީ. ކީއްވެ އޭނަ ގެއްލުނީ؟”
“ވީ ގޮތެއް ނޭނގެ! ރޭ ވެސް މި ތަނަށް އައިސް އުޅުނު.”
“އެއީ ކޮންކަހަލަ އުޅުމެއް ހުންނަ މީހެއްކަން އެނގޭތަ؟”
“ވަރަށް ރަނގަޅު މަޑު މައިތިރި މީހެއް އެއީ.”
ވާހަކަ މިހައިތަނަށް ދިޔަތަނާ، އެ ތަނަށް ކަމާލު އަތުވެއްޖެއެވެ. އޭނާ އައިސް ގޮނޑީގައި އިށީންތަން ފެނިފައި، ކައުންޓަރުގައި އިން ސޮރު ފައިރޫޒަށް ބަލައިލިއެވެ.
“މީ އޭނައާ އެންމެ ގާތްކޮށް އުޅޭ މީހަކީ.” އޭނާ ކަމާލަށް އިޝާރާތްކޮށްލިއެވެ.
“ކާކު؟” ކަމާލަކަށް އަދި ވާނުވާއެއް ނޭނގެއެވެ.
“ނަޖާހާބެހޭގޮތުން ވާހަކަ ދައްކާލަން އައިސް ހުރި މީހެއް މީ. ނިކަން އޭނާއަށް ޖަވާބުދީބަލަ!” އެ ސޮރު ތެދުވެގެން ހިނގައްޖެއެވެ.
“އަހަންނަށް ކިޔަނީ ފައިރޫޒް.”
“މަގޭ ނަމަކީ ކަމާލް.”
“އަހަރެން މި އައީ ނަޖާހާބެހޭގޮތުން ވަރަށް މުހިންމު ކަމެއް ސާފުކޮށްލަން ބޭނުންވެގެން. ވަގުތުކޮޅެއް ދީފާނަން؟” ކަމާލާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ފައިރޫޒު ވާހަކަ ދެއްކިއެވެ.
“ހިނގާބަލަ އެ ފަރާތަށް!” ކަމާލު ބޭނުންވީ ތަންކޮޅެއް ހަމަޖެހިގެން ފައިރޫޒާ ވާހަކަ ދައްކައިލާށެެވެ. އޭނާ ހީކުރީ ނަޖާހާ ބެހޭގޮތުން ކޮންމެވެސް ކަމެއް، ފައިރޫޒުގެ ކިބައިން އޮޅުންފިލާނެ ކަމަށެވެ.
ރޭގަނޑުގެ ދިހައެއް ޖަހައި އެހައިކަންހައި އިރެވެ. ޝިމާނާ އިނީ ސިޓިންރޫމުގައެވެ. އަބަދު ކޮޓަރީގައި އެކަނި އޮތުމުން މާ ބޮޑަށް ބޯ ހާސްވެ ފިކުރުބޮޑުވާތީ، ޓީވީ ބަލައިލާން ނިކުތީއެވެ. ހިތަށް ހަމަޖެހުމެއް ލިބި، ބޮލަށް ލުއިވެލާތޯއެވެ. އެހެން އިންދާ، ފޯނެއް އަންނަހެން ހީވެގެން ބަލައިލުމާއެކު، ލިބުނު އުފަލެއްގެ ބޮޑުކަމުން ޝިމާނާގެ މޫނުމަތީ އުޖާލާވެގެން ދިޔައެވެ. ފޯނުން ފެނުނީ ފައިރޫޒުގެ ނަމެވެ. ގަބޫލު ނުކުރެވިގެން އުޅޭ ކަހަލަ ގޮތަކަށް ދެވަނަ ފަހަރަށް ވެސް އެ ނަމަށް ބަލައިލެވުނެވެ. ފައިރޫޒުގެ ކޯލެއް އެ ފޯނަށް ނާންނަތާ 3 ދުވަސްވީއެވެ. ޝިމާނާ އަވަސް އަވަހަށް ފޯނު ހިފައިގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. އޭރު އޭނާގެ ހިތް އުފަލުން ލަވަކިޔައި ނަށަނީއެވެ.
ކޮޓަރިއަށް ވަންއިރު ޝިމާނާގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. އުފާވެރި ތެޅުމަކުންނެވެ. އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއިރު، އަތް ވެސް ތުރުތުރުއަޅައެވެ. މޫނުމަތީގައި ހުރީ ތާޒާ ލޭގެ ރަތްކަން ހިފާފައެވެ.
“ހަލޯ! ފައި!”
“ކޮންތާކު ތި އުޅެނީ؟” ފައިރޫޒުގެ އަޑަކު މާ ޚާއްޞަ ގޮތެއް ނެތެވެ.
“ގޭގަ. ކޮޓަރީގަ. ފައި ކޮންތާކު؟”
“ބޭރުގަ.”
“ތި އަންނަނީތަ؟”
“ދާންކަމަށް!”
“ނިކުންނަންވީ؟”
“އާނ!”
“ވަރަށް އަވަހަށް މި ނިކުންނަނީ އިނގޭ! އައި ލަވް ޔޫ، ފައި.” އެނދުން ތެދުވިއިރު، ޝިމާނާގެ ހިނިތުންވުމުގެ ރީތިކަމާ ވަކިވެފައިވާ ތުންފަތްމަތީގައި، އުފާވެރި ހިނިތުވުމެއް ދުވެލަދުވެލައި ހުއްޓެވެ.
ޝިމާނާ ދުވެފައި ގޮސް ފާހާނާއަށް ވަނެވެ. އަވަސް އަވަހަށް މޫނު ދޮވެލައިގެން ނިކުމެ، ވަރަށް އަތްމަތި އަވަސްކޮށް ތައްޔާރުވެލިއެވެ. އޭނާގެ އިންތިޒާރުގައި ފައިރޫޒަށް އެންމެ ސިކުންތެއް ވެސް ގުނާން ޖައްސާކަށް ބޭނުމެއް ނުވެއެވެ.
ހައެއްކަ މިނެޓުގެ ތެރޭގައި ތައްޔާރުވެލައިގެން ޝިމާނާ ކޮޓަރިން ނިކުތެވެ. ސިޓިންރޫމަށް ވަންއިރު، މަންމައާއި ބައްޕަ ތިބީ ސިޓިންރޫމުގައެވެ. ޓީވީން ދައްކާ ފާޑެއްގެ ޑްރާމާއެެއް ބަލާށެެެވެ. ޝިމާނާ އައިސް ވަނުމާއެކު، ނޭފަތުގައި ޖެހުނު މީރުވަހާއި ޝިމާނާއާ ދިމާއަށް ބަލައިލިއިރު މޫނުމަތީގައި ހުރި އުފާވެރިކަން ފެނިފައި، އިޤުބާލާއި ބަދޫރާގެ ހިތުގައި ސުވާލު އުފެދުނެވެ. ބަދޫރާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ގަޑިއަށެވެ. ދިހަގަޑި ބައިވަނީއެވެ.
“ދަރިފުޅާ! ބޭރަށް ދާންތަ ތި އުޅެނީ؟” ޝިމާނާގެ އުފާވެރިކަމުން ކުލަޖެހިފައިވާ މޫނަށް، ބަދޫރާގެ ތޫނު ނަޒަރު ހުއްޓުނެވެ.
“ފައި އެބަ އާދޭ!”
“ކީކޭ؟” އިޤުބާލަށް ފުންމައިގެން ތެދުވެވުނެވެ. “ފައިރޫޒް އަންނަނީ؟ ދަރިފުޅު ބަލާ؟” އިޤުބާލުގެ ބޮޑުވެފައިވާ ދެ ލޮލުގައި ހުރި ހައިރާންކަމުގެ ތެރެއިން އުފާވެރިކަން ދުނިޖެހިއެވެ. ތުންފަތްމައްޗަށް އުފާވެރިކަމުގެ ހިނިތުންވުން އަތްގަދަކުރިއެވެ.
“އާނ! މިހާރު ނޭނގެ ނާންނަކަމެއް ވެސް.” ބޭރަށް ނިކުތުމަށް ޓަކައި ޝިމާނާ އަވަސްއަވަހަށް ހިނގައިގަތެވެ.
“ސުބުޙާނަﷲ! އެހެންވިއްޔާ އަވަހަށްދޭ! ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކަން ހަނދާން ބަހައްޓާތި!” ޝިމާނާގެ ފަހަތުން އިޤުބާލަށް ހިނގައިގަނެވުނެވެ. ބޭއިޚުތިޔާރުގައެވެ.
“އިޤުބާލު ދެން ކޮންމެހެން އެ ތަނަށް ދާނެކަމެއް ނެތް!”
“އުފާވިލެއް ބޮޑުކަމުން ހިނގައިގަނެވުނީ…”
ޝިމާނާ ނިކުތްއިރު ފައިރޫޒެއް ނެތެވެ. އެހެންނަމަވެސް ދެ މިނެޓެއްހައި އިރުގެ ތެރޭގައި ފައިރޫޒް އައިސް ދޮރޯށި ދޮށަށް މަޑުކޮށްލައިފިއެވެ. ފައިރޫޒުގެ ނަޒަރު ހުރީ، ހިނިތުންވެފައި ހުރި ޝިމާނާގެ މޫނަށް ހުއްޓިފައެވެ. އެ ބެލުން މާނަކުރާކަށް ޝިމާނާ ނުހަދައެވެ. އޭނާ އަވަސް އަވަހަށް ފައިރޫޒާ ދިމާއަށް ހިނގައިގަތެވެ.
“ދުއްވާލަން ދާނީ ދޯ!” ފައިރޫޒުގެ ކޮނޑުގައި ހިފަހައްޓައިލުމަށްފަހު، ސައިކަލަށް އެރުމަށް ޓަކައި ޝިމާނާ އެއް ފައި ނަގައި ޕެޑަލްމަތީގައި ބަހައްޓައިލިއެވެ.
“ނާރާތި!”
ފައިރޫޒުގެ ތިން އަކުރާއެކު ޝިމާނާ ގަނޑުވިއެވެ. އޭނާއަށް ފައިރޫޒާ ދިމާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެއާއެކު މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. ހިނިތުންވެލިއެވެ.
“ފައި ސަމާސާ ކުރަނީ ދޯ!”
“އަހަރެން މި އައީ ޝިމާނާ ގޮވައިގެން ދުއްވަންދާކަށް ނޫން! އަދި ޝިމާނާއާ ސަމާސާ ކުރާކަށް ވެސް ނޫން!”
“ފައި އަދިވެސް ރުޅި…”
“ރުޅިއެއް ނާދޭ! އެކަމަކު ވަރަށް ދެރަވެފަ މި އިނީ. އަހަންނަށް މިހާރު ހުރިހާ ކަމެއް، ވަރަށް ރަނގަޅަށް އެނގިއްޖެ! އަހަރެން ރަށުން ބޭރަށް ދިޔައިމަ، ޝިމާނާ އުޅުނު ހުތުރު އުޅުން އެނގިއްޖެ! ތި ކަހަލަަ ބޭވަފާތެރިއަކާއެކު ހަޔާތެއް ފަށާކަށް އަހަރެން ނެތިން! މިހައި ހިސާބުން އަހަރެމެންގެ ގުޅުން ނިމުނީ. އެ ވާހަކަ ބުނެލަން މި އައީ. ދެން ދަނީ!”
ޝިމާނާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ފައިރޫޒު ނުދިނެވެ. ސައިކަލު ގިޔަރަށް ލުމާއެކު ދުއްވާލައިފިއެވެ. ޝިމާނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ހަރަކާތް ހުއްޓިފައެވެ. ލިބުނު އުފާވެރިކަން އަވާމެންދުރެއް ފަދައިން ގެއްލި ދިޔައީއެވެ. ފައިރޫޒު ދިޔަ މަގަށް ކަޅި ހުއްޓާލައިގެން ހުއްޓާ، ފެނުނީ އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފެށި ތަނެވެ. ރޮވިދާނޭހެން ހީވުމުން، އަވަސްއަވަހަށް ގެއާ ދިމާއަށް ދުއްވައިގަތެވެ. ދޮރޯށި ހުޅުވާލައިފައި، އެތެރެއަށް ވަދެވޭވަރުވީ ހަމަ ކިރިޔާއެވެ. ބަޑި ފަޅައިގެން ހިނގައްޖެއެވެ.
ނަޖާހުގެ މަންމަގެ ދެ ލޮލުން ކަރުނައެއް ނުހިކެއެވެ. ހިތަށް ލިބޭ އަނިޔާއަކަށް ލުއިކަމެއް ނުލިބެއެވެ. ރޮވެނީއެވެ. ގިސްލެވެނީއެވެ. ނަޖާހުގެ ހަނދާންތަކުން އެ ފަކީރުގެ ހިތް ވަނީ ކަތިލެވިފައެވެ. އޭނާގެ ސިކުނޑިއަށް އަބަދާއި އަބަދު ވަދެ ހައިޖާނު އުފައްދަނީ، ނަޖާހުގެ ހަނދާންތަކެވެ. އޭނާގެ ލޯބިވެތި ފިރުމުންތަކާއި އޯގާވެރި ބަސްތަކެވެ. އެއީ ހާދަ ރަނގަޅު ދަރިއެކެވެ. ހާދަ އޯގާވެރި ދަރިއެކެވެ. ކަރުނައިގެ ފުން ކަނޑެއްގައި އޭނާ ފަތަފަތާ އޮއްވާ، ކޮޓަރިއަށް އައިސް ވަނީ ކަމާލެވެ. ކަމާލުގެ ފަހަތުން ފައިރޫޒު ވެސް ވަނެވެ.
މަގޭ ދަރިފުޅުގެ ޚަބަރެއް ވެއްޖެތަ؟” ކަމާލު އައިސް ވަނުމާއެކު، ފުރަތަމަ ވެސް އޭނާއަށް ފެށުނީ ނަޖާހުގެ ވާހަކައެވެ.
“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޚަބަރެއް ލިބޭނެ! ދައްތަ އުފާވާ ފަދަ ޚަބަރެއް ލިބޭނެ!”
“އެ ކުއްޖާ ސަލާމަތުން ހުއްޓާ ފެންނާނެ ދޯ!”
“ދައްތަ ދުޢާކުރޭ!” އެ މައުޟޫއަށް ވާހަކަ ދައްކާކަށް ކަމާލަކަށް ވެސް އެހައި ފަސޭހައެއް ނޫނެވެ.
“ދުޢާކުރަން! އަބަދުވެސް ދުޢާކޮށްކޮށް މި އިންނަނީ. މީ ކޮން ކުއްޖެއް؟” ދެ ލޯ ފޮހެލަމުން އޭނާ ފައިރޫޒުގެ މޫނަށް ބަލައިލިއެވެ.
“މީ ފައިރޫޒު! އޭނަ އެ އައީ ދައްތައާ ބައްދަލުކޮށްލަން!”
“ކޮން ފައިރޫޒެއް؟”
“ދައްތައަކަށް އަހަންނެއް ނޭނގޭނެ!” ފައިރޫޒު ކުރިއަށް ޖެހިލައި، ވަރަށް އޯގާވެރި އަތަކުން އޭނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“ފައިރޫޒަކީ ނަޖާހުގެ ރައްޓެއްސެއް. އެހެންވެ ފައިރޫޒު އެ އައީ ނަޖާހުގެ ޚަބަރެއް ވާންދެން ދައްތަ އެ ގެއަށް ގެންދަން ބަލާ!” އެއީ ފައިރޫޒާއި ކަމާލު ވާހަކަ ދައްކައި، ހަމަޖައްސާފައި އޮތް ގޮތެވެ. ނަޖާހުގެ ރައްޓެއްސެއްގެ ގޮތުގައި ތަޢާރަފުވާށެވެ.
ޖެހިގެން އައި ދުވަހު ނަޖާހުގެ މަންމަ ފައިރޫޒުމެންގެއަށް ބަދަލުކޮށްފިއެވެ. ފައިރޫޒުގެ އާއިލާ އޭނާއަށް ހޫނު މަރުޙަބާއެއް ކިޔެވެ. ފައިރޫޒު ބޭނުންވާ ކޮންމެ ކަމެއް ވެސް، އޭނާ ބޭނުންވާ ގޮތަކަށް ކޮށްދިނުމަކީ، އޭނާގެ މަންމައާއި ބައްޕަ އަމިއްލަ ނަފުސަށް ވާޖިބުކުރާ ކަމެކެވެ. އެ ދެމަފިރިން ފައިރޫޒުދެކެ އިންތިހާއަށް ލޯބިވެއެވެ.
ރޭގަނޑުގެ ވަގުތެވެ. ގަޑިން ނުވައެއް ޖަހަނީއެވެ. އޮލިމްޕަހުގައި ފިލްމެއް ނެތް ދުވަސްކޮޅެއްކަމުން, އެ މާހައުލުގައި މާ ބޮޑު ދިރުމެއް ނެތެވެ. ބަލައިލި ކޮންމެ ދިމާއެއްގައި ވެސް ވަނީ ފަޅުކަމެވެ. އެކަނިވެރިކަމެވެ. ކައުންޓަރު ކައިރީގައި ތިބި މުނީރާއި ކަމާލު ފިޔަވައި، އިތުރު މީހެއްގެ ހިލަމެއް ނެތެވެ. ކަމާލާއި މުނީރުގެ މައުޟޫއަކީ، ކޮބައިކަމެއް ނޭނގެއެވެ. އިރުކޮޅަކުން ހޯލުން ނިކުމެގެން އައިސް، އެ ތަނަށް ހުއްޓުނީ އަދުރޭއެވެ.
“ސިނަމާ ތެރޭން ހާދަ ފާޑެއްގެ ވަހެއް އެބަ ދުވައޭ!” އަދުރޭ ހުރީ ފާޑަކަށް ނޭފަތް ހަދައިގެންނެވެ.
“އެކަމަކު މީ ޝޯވއެއް ފިލްމެއް ވެސް އޮންނަ ދުވަސްވަރެއް ނޫނެއްނު.” މުނީރުގެ އަޑުގައި ހުރީ ސަމާސާ ރާގެކެވެ. “އެހެންނަމަތާ އަންހެން ކުއްޖަކު ޖަހައިގެން އަންނަ ސެންޓެއްގެ ވަހުން ވެސް އަދުރޭގެ ހިތް ފުރޭނީ.”
“ސެންޓުވަސް ދުވާ ވާހަކައެއް ނޫނޭ މި ބުނީ. ވަރަށް އެހެން ކަހަލަ ނުބައި ވަހެއް ދުވަނީ.”
“ނުބައި ވަހެކޭ؟ ކީއްވެ ނުބައި ވަހެއް ދުވަންވީ؟” އެ މީހުން ސިނަމާގެ ހޯލާ ދިމާއަށް ހިނގައިގަތެވެ.
“އާނ! ފާޑެއްގެ ވަހެއް އެބަ ދުވާ ދޯ؟” ހޯލަށް ވަދެ، ދެ ފަހަރަކު ތިން ފަހަރަކު ނޭފަތްދަމައިލުމަށްފަހު މުނީރު ބުންޏެވެ.
“މާ ކަމުދާ ވަހެއް ހެނެއް ހިއެއް ނުވޭ! ދޯ ކަމާލު!” އަދުރޭ ބަލައިލީ ކަމާލުގެ މޫނަށެވެ.
“މީދަލެއް، ބުޅަލެއް ކަހަލަ އެއްޗެއް ކުނިވަނީކީ ނޫންބާ؟” ހޯލުގެ އެކިދިމަދިމާއަށް ކަމާލު ކަޅި ހިންގަން ފެށިއެވެ.
“ވެދާނެ ތިހެން ވެސް.”
ސިނަމާގެ އެކި ދިމަދިމާ އެ ތިން މީހުން ވަރަށް ރަނގަޅަށް ބަލައިފިއެވެ. އެއްވެސް ދިމާއަކުން ނުބައި ވަސް ދުވާ ކަހަލަ އެއްވެސް އެއްޗެއް ނުފެނުނެވެ.
“ފުލުހުންނަށް ރިޕޯޓްކުރަން ފެންނަނީ.” އަދުރޭގެ މޫނުމަތީގެ ކުލަވަރު ބަދަލުވާންފެށިއެވެ.
“ކަލޭ މޮޮޔަވީ؟” އަދުރޭގެ މޫނަށް މުނީރު ބަލައިލިއެވެ.
“މޮޔަވީއެއް ނޫން! މުނީރު ހަނދާން ނެތަސް، ނަޖާހަށް ވީގޮތެއް ނޭނގިގެން އުޅޭކަން އަހަރެން ހަނދާން އެބަހުއްޓޭ!” އަދުރޭގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިޔަސްކަމެވެ. ކަމާލު ބަހަކުން ބަހެއް ނުބުނެ، ބޭރަށް ނިކުތުމަށް ޓަކައި ހިނގައިގަތެވެ. އޭނާގެ ފަހަތުން، އަނެއް ދެ މީހުން ވެސް ހިނގައިގަތެވެ.
ބައިގަޑިއެއްހައި އިރު ފަހުން، ތިން ފުލުހަކު އައިސް އޮލިމްޕަހަށް ވަދެއްޖެއެވެ. އެ މީހުންގެ އިންތިޒާރުގައި އަދުރޭއާއި ކަމާލާއި މުނީރު ތިއްބެވެ. ފުލުހުން އައިސް، އެ މީހުންނާ ވާހަކަތަކެއް ދެއްކުމަށްފަހު، ސިނަމާގެ ހޯލަށް ވަދެ އެކިދިމަދިމާ ބަލާންފެށިއެވެ. ޓޯޗުން އަލިކޮށް އިސްޓޭޖުމައްޗާއި ތަންތަން ވެސް ބަލައި ފާސްކޮށްފިއެވެ. އެއަށްފަހު މައްޗަށް އަރަން ހުންނަ ސިޑިން މައްޗަށް އަރައިފިއެވެ. މައްޗަށް އެރުމުން ފާހަގަވި ކަމަކީ، އެ ދުވާ ވަސް ގަދަވިކަމެވެ. ފުލުހުންނަށް ވެސް ޖެހުނީ ނޭފަތްމަތީގައި އަތް އަޅާށެވެ.
ފަންގިފިލާ މައްޗަށް ފުލުހުން އަރައި، އެކި ދިމަދިމާއަށް އަލިކުރަމުން ބަލަމުން ދިޔައެވެ. އޭރު އެ ތަނުގައި ކުނި ވަސް ވަރަށް ގަދައަށް ހިފާފައި ހުއްޓެވެ. ފަންގިފިލާމަތި އަނދިރިކޮށް އޮތުމުގެ ސަބަބުން، ފުލުހުން ޓޯޗުން އަލިކުރަމުން ކުރިއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނާ، ޓޯޗުގެ ގަދަ އަލި ގޮސް އެޅުނީ ބިރުން ފިތްކަނޑައިގެންދާ ފަދަ ދިމާއަކަށެވެ. އެ ތަނުގައި އެ ހުރީ ދަންޖެހިފައި ހުރި ފިރިހެނެކެވެ. ފުލުސް މީހާއަށް އެ ދިމާއަށް އަލިކުރި ގޮތަށް ހުއްޓުންއަރާފައި ހުރެވުނީއެވެ. ދަންޖެހިފައިވާ ހުރި މީހާގެ ހަށިގަނޑު ވަނީ ކުނިވެފައެވެ. ސިފަ ވަނީ މުޅިން ބަދަލުވެފައެވެ. ފެންނަނީ ބިރުވެރި ސިފައަކަށެވެ. ސީލިންގމައްޗަށް ދިޔަ ފައިބަމުން ދެއެވެ. މި ބިރުވެރި މަންޒަރު ފެނިފައި ފުލުހުންނަށް ވެސް ތިބެވުނީ ހުއްޓުންއަރާފައެވެ.
“ކާކު ދަންޖެހިފަ އެ ހެރީ؟” ފިލްމުގެ ތެރެއަށް ވަދެ ހުސްވެފައި އިން ސީމާއަށް، ނަބީލުގެ އަތުގައި ބާރަށް ހިފެހެއްޓުނެވެ. ފެންނަ މަންޒަރުން އޭނާ އިނީ ބިރުގެންފައެވެ. ފިލްމަކުން ވިޔަސް، މީހަކު ދަންޖެހިފައި ހުއްޓާ ފެނުމުންނެވެ. އަނެއްކޮޅުން އޭނާއަށް މިހާރު އެ އިނދެވުނީ، އެ ހާދިސާއާ ގުޅުން ހުރި މާހައުލުގައެވެ. އޮލިމްޕަސްތެރޭގައެވެ.
އޮލިމްޕަހުގެ ހޯލަށް ވެރިވެފައި ވަނީ މަރުގެ ހަމަހިމޭންކަމެވެ. ކޮންމެ މީހަކު ވެސް އިނީ އިސްކިރީނުގައި ދެ ލޯ ތަތްކޮށްގެންނެވެ. ހިތްބަލި ބައެއް މީހުން މޭގައި އަތް އަޅައިގެން ތިބި އިރު، ބައެއް މީހުންނަށް ބަލާން ނުކެރި ލޯ މަރައިގެން ވެސް ތިއްބެވެ. ސީމާ ވެސް އިނީ މޭ ބޮޑުވެފައެވެ.
“އެއީ ނަޖާހުުތަ؟” ސްކްރީނަށް ކަޅި ހުއްޓާލައިގެން އިނދެ ސީމާ ވާހަކަ ދެއްކީ ނަބީލާއެވެ. “އެކަމަކު އޭނާ ކީއްވެ ދަންޖެހެންވީ؟”
ސީމާ އެތައް ވަރަކަށް ވާހަކަދެއްކުމުން ވެސް ނަބީލު އަނގައަކުން ނުބުންޏެވެ. ސީމާއަށް ޖެހުނީ އިސްކިރީނުން ކަޅި ވަކިކޮށްލައި، ނަބީލާ ދިމާއަށް ބަލައިލާށެވެ. ނަބީލު އިނީ އިސްކިރީނަށް ބަލާށެވެ. ކަޅި ޖަހައިނުލައި ބަލާށެވެ. ސީމާ އެ ވަރަށް ވާހަކަ ދެއްކިއިރު ވެސް، އޭނާއަށް އަޑު ނީވުނީ ބާވައެވެ؟ ފިލްމަށް ގެއްލިފައި މި އިނީ ހާދަ ވަރަކަށެވެ.
“ނަބީލް! ސީމާ މަޑުމަޑުން ނަބީލުގެ ގައިގައި ކޮއްޓާލަމުން ގޮވައިލިއެވެ. ނަބީލު ބަލައެއް ނުލިއެވެ. ހަމަ އިންގޮތަށް އިނީއެވެ.
“ނަބީލް! ނަބީލް! ކީއްވެފައި ތީނީ؟” މި ފަހަރު ކުރިއަށްވުރެ ބާރަށް ސީމާ ގޮވައިލިއެވެ. އަތުގައި ކޮށްޓާލަމުންނެވެ. އެހެންނަމަވެސް ނަބީލު އަނގަޔަކުން ނުބުނެއެވެ. ބަލައި ވެސް ނުލިއެވެ.
ސިމާގެ ހިތަށް ބިރުވެރިކަން ވަނެވެ. އަނެއްކާ ނަބީލު މި އިނީ ކަމެއްވެފައި ބާވައެވެ؟ ކަމެއް ނުވާ ނަމަ އެ ގޮތަށް ހުއްޓުން އަރާފައި އިނދެދާނެ ބާވައެވެ؟ ހަމަ ޔަޤީނުން ވެސް އެ ވަރަށް ފިލްމަށް ގެއްލިފައެއް މީހަކު ނީންނާނެއެވެ. ފިލްމުގައި މިހާރު ހިނގާ އެއްވެސް ކަމެއް ސީމާއަކަށް ނޭނގެއެވެ. އޭނާގެ ކަންބޮޑުވުން ގުޅިފައި މި ވަނީ ނަބީލާ މެދުގައެވެ.
ސީމާގެ ހާސްކަން އިތުރުވީ މަޑުމަޑުން ގޮސް ނަބީލު ލޯ މެރުނުތަން ފެނިފައެވެ. ހަމައެއާއެކު އޭނާގެ ބޯ ވެސް އެއް ފަރާތަކަށް ވެއްޓިއްޖެއެވެ. ސީމާގެ މޭ ތެޅިގަތެވެ. ހަމަ ޔަޤީނެވެ. ނަބީލަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ.
“ނަބީލް! ނަބީލް!” ސީމާ ހާސްވެ ކަންބޮޑުވެފައި އިނދެ ނަބީލަށް ގޮވަން ފެށިއެވެ. އެ ވަގުތު ޖެހިގެން އިން މީހާ އެނބުރި ސީމާއާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހު “ނިދިފައި” އިން ނަބީލު ފެނިފައި، އޭނާ ހިނިތުންވެލަމުން އަނެެއްކާ ވެސް ފިލްމަށް ބަލަން ފެށިއެވެ.
ސީމާގެ ހިތުގެ ތެޅުން އައީ ބާރުވަމުންނެވެ. އޭނާ އިނީ ނަބީލުގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އޮލިމްޕަހުގެ ހޫނުގަދަ މާހައުލުގައި ސީމާ އިތުރަށް ފޯކުރަމުން ގެންދިޔައެވެ. އިރުކޮޅަކު އެހެން އިނދެފައި އޭނާއަށް ބަލައިލެވުނީ ނަބީލު ނޭވާލާތޯއެވެ. ސީމާގެ ހިތަށް ކުޑަ ހަމަޖެހުމެެއް ލިބުނެވެ.
“ނަބީލް!” މީހަކަށް އުނދަގޫވެދާނެތީ މި ފަހަރު ސީމާ ގޮވީ މަޑުންނެވެ. “އަޅެ ހޭލަބަލަ! ޕްލީޒް ނަބީލް! ލޯ ހުޅުވަބަލަ!”
ސީމާގެ އެ ޖުމުލައާއެކު ކުއްލިއަކަށް ނަބީލު ދެ ލޯ ހުޅުވާލައިފިއެވެ. ދެ ލޯ ހުޅުވައި ވާ ކޮށްލިވަރުން ސީމާ ދިޔައީ ސިއްސައިގެންނެވެ. އޭރު ވެސް އޭނާގެ ބޯ އޮތީ، އެއް ފަރާތަށް ވެއްޓުނު ގޮތަށެެވެ. އެހެން އިނދެ އޭނާ ސީމާއާ ދިމާއަށް ބަލަން ފެށިއެވެ. ކަޅި ވެސް ޖަހައި ނުލައެވެ.
“ދެން ކޮން ސަކަރާތެއް ތި ގަންނަނީ؟” ނަބީލުގެ އެ ސަމާސާ ސީމާއަކަށް ކަމަކު ނުދިޔައެވެ. “މަ ކިރިޔާ ބިރުން ހަލާކުނުވީ. މިހާރު ފިލްމުގައި ވީ ނުވީއެއް ވެސް ނޭނގުނެއްނު!” ނަބީލުގެ އަތުގައި ލޯބިން ހިފައިލަމުން ސީމާ ހަމަޖެހިލިއެވެ.
ސީމާ އުޅުނީ ފިލްމަށް ގެއްލޭށެވެ. އެހެންނަމަވެސް އޭނާއަށް ދެން ލިބުނު ސިހުން ވަކީން ބޮޑުވިއެވެ. ނަބީލުގައި އަތުގައި ހިފާލުމުން ކުރެވުނީ ވަރަށް ތަފާތު އިޙުސާސެކެވެ. އެ އަތުގައި އާދަޔާޚިލާފު ތުރުތުރެއް ހުރިކަން އޭނާއަށް ފާހަގަކުރެވުނެވެ. ގަނޑުފެންގަނޑެއްހައި ފިންޏެވެ. ސީމާއަށް އަވަސް އަވަހަށް ނަބީލާދިމާއަށް ބަލައިލެވުނެވެ. އޭރުވެސް ނަބީލު އިނީ ހަމަ އެ ގޮތަށެވެ. އެއް ފަރާތަށް ބޯ ވެއްޓިފައެވެ. ދެ ލޯ އިންތިހާއަށް ބޮޑެވެ. ސީމާގެ މޭ ތެޅިގަތެވެ. ހަމަ ޔަޤީނެވެ. ނަބީލަށް މި އިނީ ކަމެއް ވެފައެވެ.
“ނަބީލް!”
ކުއްލިއަކަށް ނަބީލް ފުންމައިގެން ތެދުވެއްޖެއެވެ. އެ ވަގުތު ލިބުނު ސިހުމާއެކު، ސީމާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހަމަހިމޭންކަމުގެ އޮއިވަރެއް ފެތުރިފައި އޮތް ހޯލުގައި ތިބި އެންމެން އެއް ފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލަންފެށިއެވެ. ކައރީގައި ވަށައިގެން ތިބި އެންމެންގެ ނަޒަރު ވަނީ ކޮޅަށް ހުރި ނަބީލާ ދިމާއަށް ހުއްޓިފައެވެ. ވާނުވާ ނޭނގި ދުރުގައި ތިބި ބައެއް މީހުން، ހޭންފެށި އަޑު ވެސް އިވުނެވެ. ލާނެތް ބައެއް މީހުން، ޖެއްސުމަށް ނުވަތަ މަޖަލަށް ހަދާފައި ސީމާ ހަޅޭއްލަވައިގަތް ގޮތަށް ހަޅޭއް ވެސް ލެވިއެވެ.
ނަބީލް އިރުކޮޅަކު ކޮޅަށް ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އިސްޓޭޖާ ދިމާއަށެވެ. އޭރުވެސް ފިލްމު ކުރިއަށް ދެއެވެ. ހީވަނީ މިހާރު އެ އުޅެނީ ނިމޭން ހެނެވެ. ފެންނަނީ ފަންގިފިލާ މަތީގައި ފުލުހުންގެ ފައުޖެއް ހަރަކާތްތެެރިވަމުން ދާ މަންޒަރެވެ.
“ދެން އިށީނދެބަލަ! ފަހަތުގައި ތިބި މީހުންނަށް އުނދަގޫވާނެ!”
ނަބީލުގެ އަތުގައި ސީމާ ހިފުމާއެކު، ނަބީލު އަތް ފޮޅުވައިލިއެވެ. އެއާއެކު ހިނގައިގަތީ ދެ ފަރާތު ދެ ގޮނޑިބަރީ ދޭތެެރޭގައި އޮތް މަގަށް ނިކުންނާށެވެ. ސީމާއަށް އިނދެވުނީ ބަސް ހުއްޓިފައި ނަބީލުގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ ގޮސް މަގަށް ނިކުމެ އިސްޓޭޖާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި، ކަރުބުޑުން ބިރުވެރި އަޑެއް ނެރި ހަޅޭއްލަވައިގަތެވެ. އެއާއެކު އިސްޓޭޖާ ދިމާއަށް ދުއްވައިގެންފިއެވެ.
ފިލްމު ބަލަން ތިބި މީހުންނަށް ލިބުނު ސިހުމާއެކު، އެއް ބަޔަކު ފުންމައިގެން ކޮޅަށް ތެދުވިތަން ފެނުނެވެ. ބައެއް އަންހެންވެރިން ބިރުން ހަޅޭއްލަވައިގަތް އަޑު ވެސް އިވުނެވެ. ނަބީލު އެ ދިޔަ ގޮތަށް ގޮސް ފުންމައިގެން އިސްޓޭޖަށް އަރައިފިއެވެ. ހަމަ އެ ބާރުމިނުގައި ގޮސް އިސްކިރީނުގައި ޖެހިގެންފިއެވެ. އަނެއްކާ ވެސް ދުރަށް ޖެހިލާފައި ގޮސް ޖެހިގެންފިއެވެ.
“މޮޔައެއް! މޮޔައެއް ވަދެގެން އެ އުޅެނީ. އޭނަ މި ތަނުން ނެރޭ!”
މީހުން ގޮވަންފެށިއެވެ. ސީމާއަށް އިނދެވުނީ ހަދާނޭ ގޮތެއް ނޭނގިފައެވެ. ހިތަށް ވެސް ނާރާ ކަހަލަ ކަންތައްގަނޑަކާ ކުއްލިއަކަށް ކުރިމަތިވުމުން، މީހާ އިނީ މޮޔަވާން ކައިރިވެފައެވެ. އެ ފަދަ ހާލެއްގައި އިންދާ ނަބީލަކީ މޮޔައެކޭ ކިޔައި ގޮވަންފެށި އަޑު އިވުމާއެކު ސީމާއަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ.
ބައެއް މީހުން ބިރުން ސިނަމާއިން ނިކުންނަން ފަށައިފިއެވެ. އޭރު ވެސް ނަބީލު ހަޅޭއްލަވަމުން އިސްކިރީނުގައި ތަޅަނީއެވެ. އިސްކިރީނު ހަލާކުކޮށްލަން މަސައްކަތްކުރަނީއެވެ. ޖެހިލުން ކުޑަ ދެތިން ފިރިހެނުން ތެވެދުވެގެން އިސްޓޭޖާ ދިމާއަށް ހިނގައިގަތްއިރު، ހޯލްތެރޭގައި އަޑުގަދަވެގެން، އެތަނުގެ ބައެއް މުވައްޒަފުން އައިސް ހޯލަށް ވަދެއްޖެއެވެ.
*********************************
“ދަރިފުޅާ! ކީއްވެފައި ތި އިނީ؟”
ސީމާގެ ހިތްދަތި މާޒީގެ ޞަފުޙާތަކާ އޭނާ ވަކިކޮށްލީ، އޭނާގެ ލޯބިވާ މަންމަ އަބީރާއެވެ. ފެންކަޅިވެފައިވާ ދެ ލޮލުން މަންމަގެ މޫނަށް ބަލައިލަމުން އޭނާ ދެ ލޯ ފޮހެލިއެވެ.
“އަދިވެސް ނަބީލު އޭރު އޮތް ގޮތަށްތަ އެ އޮތީ؟”
“އާނ!” އެނދުމަތީގައި އޮތް ނަބީލާ ދިމާއަށް ސީމާ ބަލައިލިއެވެ.
“އެކަމަކު މިހާރު ހާދަ އިރެއް ވެއްޖޭ! މަންމައަށް ހީވަނީ އެހެން ބާއްވާކަށް ނުވާނެހެން. ހޮސްޕިޓަލަށް ގެންދަންވީ ކަންނޭނގެ!”
ސީމާ ތެދުވެ ގަޑިއަށް ބަލައިލިއެވެ. ތިންގަޑި ބައިވަނީއެވެ. އޭނާ އެ ތަނުގައި އެހެން އިންނަތާ ހާދަ އިރެއް ވެއްޖެއެވެ. އޭނާ ގޮސް މަޑުމަޑުން، ނުހަނު ލޯބިން ނަބީލަށް ގޮވައިލިއެވެ. ދެތިން ހަތަރުފަހަރު ގޮވައިލުމުން ވެސް ޚަބަރެއް ނުވިއެވެ. އެ އޮތްގޮތަށް އޮތީއެވެ.
“ހޮސްޕިޓަލަން ގެންދަންވީ ދޯ! ބައްޕަ ކޮބައި؟”
“ފިހާރައިގަ.”
“ބައްޕައަށް ގުޅަންވީ ކަންނޭނގެ!” ސީމާ ފޯނު ނެގިއެވެ. އޭރު އޭނާގެ ހިތް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
“މުދާ އައިސްގެން މިއަދު ބައްޕަ އުޅޭނީ ވަރަށް ބުރަކޮށް. ނަބީލުގެ ބައްޕައަށް ގުޅަންވީނު! އެންމެ ދުވަހަކު އޭނާ އައިސްލިޔަސް ރަނގަޅުވާނެހެން މަންމައަށް ހީވަނީ.”
އެ ވަގުތު ނަބީލު ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލި އަޑު އިވިގެން އަވަސް އަވަހަށް ސީމާއަށް އެނބުރި ބަލައިލެވުނެވެ.
ސީމާއަށް ފެނުނީ ނަބީލުގެ މޭ އުފުލެމުންދާ ތަނެވެ. އޭނާ ވަރަށް އުނދަގުލުން ނޭވާ އެތެރެއަށް ދަމާލައިފައި، ހަމަ އެހައި މަސައްކަތުން، ނޭވާ ބޭރުކުރެވޭތޯ މަސައްކަތްކުރަނީއެވެ. ދެ ލޯ ވަނީ މެރިފައެވެ. ސީމާއަށް އަވަސްއަވަހަށް ނަބީލާ ދިމާއަށް ދުއްވައިގަނެވުނެވެ.
“މަންމާ! އަވަހަށް ބައްޕައަށް ގުޅާ! އެމްބިއުލާންސަށް ވެސް ގުޅާ!”
ސީމާ ގޮސް ނަބީލުގެ ގާތުގައި އިށީނދެ، އޭނާގެ މޭމަތީގައި ފިރުމާންފެށިއެވެ. ނަބީލަށް ލުއިވޭތޯ، އޭނާއަށް އެނގޭހައި ކަމެއް ކުރާންފެށިއެވެ. އެހެނަސް ނަބީލަށް ލިބޭ ފަސޭހައެއް ނެތެވެ. ނޭވާ ހާސްވެގެން ތެޅި ފޮޅެނީއެވެ. ހަތަރެސްފައި ވަނީ ފިނިވެފައެވެ.
ސައިރަންއަޅަމުން ހަލުއި ދުވެލީގައި އައި އެމްބިއުލާންސް، އައިޖީއެމްއެޗުގެ އިމަޖެންސީ ދޮރޯށިން އެތެރެއަށް ވަދެއްޖެއެވެ. ޑުރައިވަރުގެ އެހީތެރިޔާ އެމްބިއުލާންސުން ފައިބައިގެން ބާރު ހިނގުމެއްގައި އައިސް، ފަހަތު ދޮރު ހުޅުވާލުމާއެކު، އެއިން ފުރަތަމަ ފުންމާލީ ޒާހިރެވެ. އޭނާގެ ފަހަތުން އަބީރާއެވެ. ދެން ސީމާއެވެ. ސީމާގެ ދެ ލޮލުން ކަރުނަ އޮހެމުންދެއެވެ. ޒާހިރާއި އަބީރާގެ މޫނުމަތީން ކަންބޮޑުވުމުގެ އަލާމާތްތައް ފެންނާން ހުއްޓެވެ.
ފުރޮޅުލީ އެނދުގައި ބާއްވައިގެން އަވަސްފަރުވާދޭ ކޮޓަރިއާ ދިމާއަށް ނަބީލު ގެންދިޔައިރު ވެސް އޭނާ ތެޅިފޮޅެނީއެވެ. ފަހަތުން ސީމާއާއި ޒާހިރުގެ ދެމަފިރިން ހަލުއި ފިޔަވަޅުތަކެއްގައި ދިޔައެވެ. ނަބީލު ގެންގޮސް އިމަޖެންސީ ރޫމަށް ވެއްދިއިރު، އެންމެ ގާތުގައި ހުރީ ސީމާއެވެ. ނަބީލު އެ ތަނަށް ވެއްދުމާއެކު، ޑޮކްޓަރުން ވަރަށް އަތްމަތި އަވަސްކޮށް ހަރަކާތްތެރިވާން ފެށިއެވެ. ނަބީލަށް ހޭހަންކޮށްދެވޭތޯ މަސައްކަތް ފެށިއެވެ.
ބަލަންވާ ބެލުންތައް ބެލުމަށްފަހު، ޑޮކްޓަރުން ނިންމީ، ނަބީލު އައިސީޔޫއަށް ލާށެވެ. އޭނާގެ ހިތުގެ މައްސަލަތަކެއް އުޅޭކަމަށް ފާހަގަކުރެވިގެންނެވެ.
ނަބީލު އައިސީޔޫއަށް ވެއްދިއިރު، އެ ދުވަހުގެ އަސުރުން އިރުތިރިވެއްޖެއެވެ. ސީމާ އިނީ އައިސީޔޫގެ ބޭރުގައި ދެ ލޮލުން ކަރުނަ ފޮހެލަފޮހެލައެވެ. އޭނާގެ ބިރުގަންނަނީއެވެ. ހިތް ބުނަނީ ނަބީލުގެ ފަހު ވަގުތުކޮޅު ގުނަންފެށީ ކަމުގައެވެ. އެހެން ހިތަށް އެރުމުން، ހިތަށް ކުރާ ބާރު ވަކިން ބޮޑުވެއެވެ. ނަބީލަކީ އޭނާގެ ހިތުގެ ދިރުމެވެ. ހިތުގެ ކާނާއެވެ. އޭނާގެ ހަޔާތަށް އައި ހަމަ އެކަނި ފިރިހެނަކީ ނަބީލެވެ. އޭނާގެ ހިތުގައި، އެހެން މީހަކަށް ދޭނެ ޖާގައެއް ނެތެވެ.
ނަބީލަށް މި ހާލަތު ކުރިމަތިވި ދުވަހުން ފެށިގެން، ސީމާގެ ހިތަށް އުނދަގޫކުރާ ސުވާލުތައް، މިއަދު ވަކީން ބޮޑަށް އޭނާއަށް އުނދަގޫ ކުރަން ފަށައިފިއެވެ. އެ ރޭ ފިލްމަށް ދާން އުޅުމުން، ނަބީލުގެ ބައްޕަ އެ ކަމާ ދެކޮޅު ހެދީ ކީއްވެ ބާވައެވެ؟ ނަބީލަށް މި ހެން މި ވީ ކީއްވެގެން ބާވައެވެ؟ ފިލްމެއް ބަލައިގެން މީހަކު ދުނިޔެއިން މޮޔަވެދާނެ ބާވައެވެ؟
މިއީ މިހާތަނަށް ސީމާއަށް ޖަވާބު ނުލިބި ހުރި ސުވާލުތަކެކެވެ. ޖަވާބު ބޭނުންވާ ސުވާލުތަކެއް ވެސް މެއެވެ. ނަބީލުގެ ބައްޕައަށް މި ކަން އެނގޭނޭކަމަށް އޭނާގެ ހިތް ބުނާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް އަހައިލާކަށް ނުކެރެއެވެ. ނަބީލް ބަލިވި ދުވަހުން ފެށިގެން ވަރަށް ދުރުކޮށް އުޅޭތީއެވެ. މަހަކު އެއް ދުވަހު ވެސް ގެއަށް ވަދެނުލާތީއެވެ. އެހެންނަމަވެސް މިއަދު އެ ސުވާލު އޭނާ ކުރާން ބޭނުމެވެ. މި ކަމުގެ ސިއްރު ހޯދާން ބޭނުމެވެ. ވަރަށް ގިނަގޮތްގޮތަށް ވިސްނުމަށްފަހު، އޭނާ ނިންމީ ޖަމާލަށް ގުޅުމަށެވެ. އެހެންނަމަވެސް މަންމައާއި ބައްޕަ ތިއްބާ އެ މައުޟޫޢަށް ވަންނާކަށް ބޭނުމެއް ނުވެއެވެ.
އެންމެފަހުން ޑޮކްޓަރުންގެ ފަރާތުން ލިބުނު ޚަބަރަށްފަހު، ސީމާގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. ސީމާ އެ ރޭ ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ފަހުން އަންނާނޭކަމަށް ބުނެފައި، މަންމައާއި ބައްޕަ ދިޔައީ ގެއަށެވެ. އެއީ ޖަމާލަށް ގުޅަން އެންމެ ރަނގަޅު ގަޑިކަމަށް ބަލާފައި އޭނާ ޖަމާލަށް ގުޅިއެވެ.
ނަބީލު އައިސީޔޫއަށް ލީ ވާހަކަ ބުނުމާއެކު، މާ ގިނައިރެއްނުވެ ޖަމާލު ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ސީމާ ގާތަށް އައިސް ނަބީލާ ބެހޭގޮތުން ވަރުވަރުން ސުވާލުތައް ކުރިއެވެ. ސީމާ ވަރަށް މަޑުމައިތިރިކަމާއެކު، އޭނާގެ ހުރިހައި ސުވާލަކަށް ވެސް ޖަވާބު ދިނެވެ.
“އަޅުގަނޑު އެބަ އޮތް ވަރަށް މުހިންމު ސުވާލެއް ބައްޕައާ ކުރަންވެފަ.” އިސްދަށަށް ޖަހައިގެން އިނދެ މަޑުމަޑުން ސީމާ ބުންޏެވެ.
“ކޮން ސުވާލެއް؟” ސީމާއާ ދިމާއަށް ޖަމާލު ބަލައިލިއެވެ.
“ބައްޕަ ހިތަށް ވެސް ނާރާ ކަހަލަ ސުވާލެއް.”
“ދަރިފުޅު ބޭނުން ސުވާލެއް ކުރޭ!”
އިސްއުފުލައި ޖަމާލުގެ މޫނަށް ސީމާ ނަޒަރު ހުއްޓައިލިއެވެ. އެ ނަޒަރުން ބުނާ ކަހަލައެވެ. ބައްޕާއެވެ! އަހަރެން ބައްޕައާ ކުރަން މި އުޅޭ ސުވާލަށް ތެދުބަހުން ޖަވާބު ދެއްޗެވެ. އެއްވެސް ކަމެއް ނުފޮރުވައްޗެވެ. މިއީ ބައްޕަގެ ދަރިފުޅާ ގުޅިފައިވާ ސުވާލެކެވެ. މަގޭ ފިރިމީހާގެ ހަޔާތާ ގުޅިފައިވާ ސުުވާލެކެވެ. އަހަރެން މި ކަންކަން އެނގެން ބޭނުމެވެ.
“ދަރިފުޅު ކޮން ސުވާލެއް ކުރަން ތި އުޅެނީ؟”
“ނަބީލަށް މި ހާލު މި ޖެހުނީ ކީއްވެ؟”
ސީމާގެ މި ސުވާލާއެކު ޖަމާލަށް ލިބުނީ ސިހުމެކެވެ. ސީމާ ކުރީ އޭނާ ހީ ވެސް ނުކުރާ ސުވާލެކެވެ. އޭނާ ހީކުރީ ސީމާ ކުރާނީ އެހެން ސުވާލެއް ކަމަށެވެ. ނަބީލު ގާތަށް ބައްޕަ ނާންނަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލަށް ދޭނެ ޖަވާބެއް ވެސް އޭނާ ވަނީ ހިތުގައި ލިޔެލާފައެވެ.
“ތި ސުވާލަށް ބައްޕަ ކޮން ޖަވާބެއް ދޭނީ؟”
“ބައްޕަައަށް މީގެ ސަބަބު އެނގޭނެއޭ އަޅުގަނޑުގެ ހިތް ބުނޭ!”
ޖަމާލުގެ ހިތް ތެޅެންފެށިއެވެ. އެ ފަދަ ވާހަކައެއް ސީމާ އެ ބުނަނީ ކީއްވެ ބާވައެވެ؟
“ބައްޕައަށް ނޭނގެއޭ ބުނެފިއްޔާ…؟”
“ޤަބޫލެއް ނުކުރާނަން!” ޖަމާލާ ދިމާއަށް ކުއްލިއަކަށް ހުއްޓުނު ސީމާގެ ތޫނު ނަޒަރު، ޖަމާލުގެ މޫނު ތޮރުފާލި ކަހަލައެވެ. “މި ކަމުގެ ސިއްރު ބައްޕައަށް އެނގޭނޭ މަގޭ ހިތް އަބަދު ވެސް ބުނޭ! ނަބީލު ބަލިވި ހިސާބުން ގެއަށް އައުން ވެސް ބައްޕަ ހުއްޓާލީ…”
“ބައްޕަ ދަމެއްނު!” ސީމާގެ ޖުމުލަ މެދުކަނޑައިލަމުން، އަވަސްއަވަހަށް ޖަމާލު ބުންޏެވެ.
“ވަރަށް މަދުން. މަހަކު އެއް ފަހަރު ވެސް ނުދޭ.”
“އެއީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު. އެ ދަރިފުޅު އެ ފަދަ ހާލަތެއްގައި އޮންނައިރު، ބައްޕައަށް ގޮސް ބަލަން ހުންނަން ކެތް ނުވަނީ….” ޖަމާލުގެ އަޑު ތުރުތުރުއަޅައިގަތެވެ. ދެ ލޯ ތެމުނެވެ.
“އެހެން އެއްވެސް ސަބަބެއް ނެތް؟” ޖަމާލުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން ސީމާ، މި ރޭ ޖަމާލާ ކުރިމަތިލާފައި އެ ވަނީ ވަރަށް ކެރިގެންނެވެ.
“ދެން އެހެން ކޮން ސަބަބެއް އޮންނާނީ؟” ޖަމާލު އިނީ ސީމާއާ ހަތަރު ކަޅި ހަމަކުރަން ބޭނުން ނުވެފައެވެ.
“ބައްޕަ ކީއްވެތަ އެ ރޭ ފިލްމަށް ނުދާން އެހައިވަރަށް ނަބީލުގާތު ކީ؟”
ސީމާ މި ފަހަރު ކުރި ސުވާލާއެކު ޖަމާލަށް ލިބުނު ސިހުން ވަރަށް ބޮޑުވިއެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްފައިި ސީމާއާ ދިމާއަށް ބަލައިލެވުނެވެ. ހީވީ ބޮޑު ވައްކަމެއް ކުރަމުން ދަނިކޮށް، ކުއްލިއަކަށް ފަޅާއެރިހެންނެވެ. އޭނާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. އެ ސުވާލު ސީމާ ކޮށްފާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުވެއެވެ.
“ކީއްވެ އެއްޗެއް ނުބުނީ؟ ކީއްވެތަ އެ ވަރަށް އެ ކަމާ ދެކޮޅު ހެދީ؟ ކޮންމެވެސް ސަބަބެއް އޮންނާނެ ދޯ!”
ބުނާނެ އެއްޗެއް ނޭނގި އިނދެފައި، އެންމެ ފަހުން ޖަމާލު ތެދުވެއްޖެއެވެ. އޭނާ ސީމާއާ ދިމާއަށް ބަލައި ވެސް ނުލައެވެ. ސީމާ ހީކުރީ އޭނާ އެ އުޅެނީ، އެ ވާހަކަ ކިޔައިދޭން ކަމަށެވެ. އެހެންނަމަވެސް ވީ އެހެނެއް ނޫނެވެ. އޭނާ ހިނގައިގަތީ ދުރަށެވެ.
“ބައްޕާ! ދަނީތަ؟”
ޖަމާލު އެނބުރި ބަލައި ވެސް ނުލިއެވެ. މަޑުޖެހި ވެސް ނުލިއެވެ. ދިޔަ ގޮތަށް ދިޔައީއެވެ. ސީމާއަކަށް މި މަންޒަރު ބަލާކަށް ނީނދެވުނެވެ. އޭނާ ތެދުވެގެން ހިނގައިގެންފިއެވެ.
“ބައްޕަ ނުބުނިއްޔާ އަހަންނަށް ހޯދުނު ގޮތަކުން އެ ސުވާލުގެ ޖަވާބު ހޯދާނަން!” ސީމާ ގޮސް ޖަމާލާ އަރައި ހަމަކޮށްފައި މިހެން ބުނިއިރު، އޭނާގެ އަޑުގައި ހުރީ ނުރުހުމުގެ ރާގެވެ.
ޖަމާލުގެ ފިޔަވަޅަށް ވަނީ އާދަޔާ ޚިލާފު ހަލުއިކަމެއް އައިސްފައެވެ. އޭނާ އެ ދިޔަ ގޮތަށް ދިޔައީ ގެއަށެވެ. މީހަކާ އަނގައިން ބުނުމެއް ނެތެވެ. ކޮޓަރިއަށް ވަންގޮތަށް އެނދުގައި އޮށޯތީއެވެ.
ޖަމާލު ބޭނުންވަނީ، ފުން ނިންޖަކުން ނިދައިލާށެވެ. ސިކުނޑިއަށް ލިބިފައިވާ ބުރަހެލިކަން ނެތިކޮށްލާށެވެ. އެހެންނަމަވެސް އޭނާގެ ލޮލާ ނިންޖާ ގުޅުމެއް ނެތެވެ. މި ރޭ އެއީ ދެ ހަތުރުންނެވެ. އޭނާގެ ބައިވެރިއަކަށްވީ ނުތަނަވަސް ޚިޔާލުތަކެވެ. ބޮލަށް ބަރުވާ ފަދަ ފިކުރުތަކެވެ. އޭނާގެ ކަންފަތުގައި ގުގުމަނީ، ސީމާ އެންމެ ފަހުން ބުނެ ވީއްލާލި ޖުމުލައެވެ. އެ ރާގުގައި، އެ ގޮތަށް، މީގެ ކުރިން އޭނާއާ ދިމާއަށް ސީމާ އެންމެ ލަފުޒެއް ވެސް ބުނެފައެއް ނެތެވެ.
ޖަމާލު ވިސްނަނީ ހަދާނޭ ގޮތަކާމެދުގައެވެ. މިއީ މި އަދަކު، މި ރެއަކު އޭނާ ކުރާ ފިކުރެއް ނޫނެވެ. އޭނާގެ ނިދި ޚަރާބުވި މި ފަދަ ކިތަންމެ ރެއަކާ އޭނާ ވަނީ ކުރިމަތިލާފައެވެ. ބައެއް ރޭރޭ ނިދިޖެހިލާއިރަށް ހުވަފެނުގެ ދުނިޔެއިން އޭނާއާ ބައްދަލުކޮށް އިންޒާރުދޭނެއެވެ. އެހެންނަމަވެސް އޭރު އޭނާ ދުށީ އެއީ ހުވަފެއްކަމަށެވެ. ކޮންމެ ހުވަފެނަކީ ބިލާހެއްކަމަށް އޭނާއަށް ގަބޫލު ނުކުރެވުނަސް، އެ ގޮތަށް ހިތަށް ވިސްނައިދެނީއެވެ. މި ކަހަލަ ގޮތަކަށް ދުވަސްތައް ދަމުން ގޮސް، އެ ބިރުވެރި ދުވަސް އޭނާގެ ހަޔާތަށް އައީއެވެ. ތޫނު ޚަންޖަރެއް ހިފައިގެން އައިސް، އޭނާގެ ކަރުން ބަޔެއް ކަނޑައިލީއެވެ. އެއްކޮށް ވަކިކޮށްނުލައި، މަރުނުވާވަރު ބަލައިގެން، ދާއިމަށް ވޭންއަޅާގޮތަށް ބެހެއްޓީއެވެ.
މިއަދު އަނެއްކާ އަނެއް ކަމަކާ ލައިގަތީއެވެ. ސީމާދެކެ އޭނާ ވަރަށް ލޯބިވެއެވެ. ނަބީލުދެކެ އެއަށްވުރެ ބޮޑަށް ލޯބިވެއެވެ. އެހެންނަމަވެސް އޭނާއަށް އެ ލޯތްބެއް އެ ކުދިންނަކަށް ނުދެވެއެވެ. މީހަކަށް ދުނިޔޭގައި ހިތްދަތިކަން ކުރިމަތިވާނީ މިހައި ވަރަށެވެ. ހުރިހައި އެއްޗަކީ ފައިސާއެއް ނޫނެވެ. އެކަން އޭނާއަށް މިއަދު ހިތުގެ އަޑިން ގަބޫލުކުރެވިއްޖެއެވެ. ދުނިޔޭގައި ވެސް އަޒާބެވެ. މަހުޝަރުގައި މިއަށްވުރެ ގަދަފަދަ ޢަޒާބެވެ.
ސީމާގެ ފޯނުކޯލެއް އައީ އެ ރޭ މެންދަމުން އަލިވެ ދޭއް ވެސް ޖެހިފަހުންނެވެ. ޖަމާލަށް އެ ކޯލު ނަގާކަށް ނުކެރުނެވެ. ހިތް ބިރުގަތީ، ދެ ސަބަބަކށް ޓަކައެވެ. އޭނާ ފޯނަށް ބަލައިލާފައި އަނެއްކާ ވެސް އޮތީއެވެ. ސީމާގެ ކޯލު ކެނޑުމުން ހިތަށް ހަމަޖެހުމެއް ލިބުނު ކަމުގެ އިހުސާސްކުރެވުނީ ކީއްވެ ބާވައެވެ؟
މާ ގިނައިރެއް ނުވެ، އަނެއްކާ ވެސް ސީމާ ގުޅަން ފަށައިފިއެވެ. ފަސްވަނަ ފަހަރު ގުޅުމުން، ފޯނު ނުނަގައި އޮންނާކަށް ޖަމާލަކަށް ފަސޭހައެއް ނުވިއެވެ. ފޯނު ނަގަން ދަމާލި އަތް ތުރުތުރު އަޅާކަން، އޭނާއަށް އިހުސާސްކުރެވުނެވެ.
“ބައްޕަ ކިތަންމެ ރުޅިއަޔަސް، ކިތަންމެ ފޫހިވިޔަސް، ނަބީލަކީ ބައްޕަގެ ހުރި ހަމައެކަނި ދަރި. މަންމައަކާ ނުލައި ރަނގަޅު ތަރުބިއްޔަތެއްގައި އޭނާ ގެންގުޅެ ބޮޑުކުރީ، ލޯބިވީމާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ” ނުރުހުމުގެ ރާގުގައި ސީމާ ވާހަކަ ފެށި ނަމަވެސް މިހައިހިސާބަށް އައިއިރު، އޭނާގެ އަޑާއި ރާގުގައި ކަރުނައިގެ ތެތްކަން ހިފައިފިއެވެ. “އަޅުގަނޑު މި ވަރަކަށް މި ގުޅަނީ، ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު ދުނިޔެ ދޫކުރި ވާހަކަ…..” ސީމާއަށް ހިތްވަރުކޮށްފައި ވެސް ބުނެވުނީ މިހައި ހިސާބަށެވެ. ދެން އިވުނީ ރޮއިގަތް އަޑެވެ. އެއާއެކު ފޯނު ކެނޑިއްޖެއެވެ.
ސީމާގެ ފަރާތުން ލިބުނު ޚަބަރު، ޖަމާލަށްވީ ވޭންވަރު ގަދަ ޚަބަރަކަށެވެ. ފޯނު ހިފަހައްޓައިގެން އެ ހުރި ގޮތަށް ހުއްޓާ އޭނާއަށް ރޮވިއްޖެއެވެ. ސީމާ އެ ބުނީ ވަރަށް ރަނގަޅު ވާހަކަ އެކެވެ. އެއީ އޭނާ ވަރަށް ލޯބިވާ ދަރިއެކެވެ.
ޖަމާލުގެ ސިކުނޑީގައި އެނބުރިގަތީ، ނަބީލުގެ ޅައިރުގެ ހަނދާންތަކެވެ. އެ ކުއްޖާއާއެކު ޖަމާލު ހޭދަކުރި ހިތްދަތި އުފާވެރި ދުވަސްތަކެވެ. ނަބީލާމެދު އޭނާ ދުށް ފޮނި ހުވަފެންތަކެވެ. އަތްމަތި ދަތިކޮށް އުޅުނު ނަމަވެސް، ނަބީލަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދުނުމަށް ޓަކައި އޭނާ އުފުލި ބުރައެވެ. ނަބީލުގެ ޖީސީއީއަށް ފައިސާ ދައްކަންޖެހޭ ދުވަސް އައިސް ޖެހުނު އިރު، އަތުގައި ފައިސާ ނެތުމުން ކަންބޮޑުވި މިންވަރާއި ފައިސާކޮޅެއް ދޭނޭ މީހަކު ނުވެގެން އުޅެވުނު ގޮތެވެ. ނަބީލަށް މި ކަންކަން ސިއްރުކުރީ، އޭނާގެ އުފާވެރިކަމަށް ހުރަހެއް އަޅަން ބޭނުންނުވާތީއެވެ. ސީމާ ކަހަލަ ރަނގަޅު ކުއްޖަކު ނަބީލަށް ލިބުމުން ޖަމާލު ހާދަ އުފަލެއްވިއެވެ.
ދެ ލޮލުން ކަރުނަ އޮހޮރަމުން، ހޮސްޕިަޓަލާ ދިމާއަށް ޖަމާލު ހިނގައިގަތެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ޖަނާޒާގައި ބައިވެރިވުމަށެވެ. ޖަމާލުގެ ހިތް ވަނީ ކުދިކުދިވެފައެވެ. ނަބީލު ދުނިޔެ ދޫކޮށް އެ ދިޔައީ، އޭނާއާ ދިމާނުވާތާ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭނާ ނަބީލު ގާތަށް ނު ދަނީ ދާހިތް ނުވާތީއެއް ނޫނެވެ. ދިޔުމުން ލިބޭ ހިތްދަތިކަން ބޮޑުވީމައެވެ. އަމިއްލަ އަތުން އަމިއްލަ ދަރިފުޅުގެ އުފާވެރި ހަޔާތުގައި އަލިފާން ޖެހުނުކަމުގެ އިހުސާސް ކުރެވޭލެއް ބޮޑުކަމުންނެވެ. މިއީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟
ނަބީލުގެ ޖަނާޒާގެ ކަންކަން ހިނގަމުން ދިޔައިރު، ޖަމާލަށް ކުރެވެނީ ވަރަށް ބީރައްޓެހި އިހުސާސެކެވެ. ސީމާއާއި އޭނާގެ އާއިލާގެ ފަރާތުން ފެންނަމުން ދިޔައީ ދުރުކަމެވެ. ވާހަކަ ދައްކަނީ މަޖުބޫރުން ދައްކާންޖެހޭ މިންވަރަށެވެ. ކަރުނައިގެ ދުނިޔެއެއްގައި އެންމެން ހައްޔަރުވެފައި ތިއްބައި، ޖަނާޒާގެ ހިތްދަތި ވަގުތުތައް ނިމިގެން ހިނގައްޖެއެވެ. އާ ދުވަހަކާ ދުނިޔެ ކުރިމަތިލައި، ބިންމަތި އަލިވަމުން ދިޔަ ވަގުތު، ސަހަރާގެ ދޮރުން ނިކުމެ، އެ މީހަކު އެ މީހެއްގެ ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.
ސީމާ ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމާއެކު އޭނާއަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. ނަބީލުގެ ހަނދާންތައް އޭނާގެ ވަށައިގެން އައިސް ބައްދާލީއެވެ. އޭނާއަށް އިހުސާސްވީ އޭނާގެ ދިރިއުޅުމުގައި ހުރިއްޔާ ހުރި އެއްޗެއް ގެންގޮސް ސަހަރާގައި ވަޅުލާފައި އާދެވުނުކަމުގެ އެކަނިވެރި ހިތްދަތި އިހުސާސެކެވެ. ކޮޓަރީގެ ކޮންމެ ދިމާއެއްގައި، ކޮންމެ ތަނެއްގައި ވެސް ވަނީ ނަބީލުގެ ސޫރައެވެ. އޭނާގެ އަޑެވެ.
ޖެހިގެން އައި ދުވަހެވެ. މިއަދު ސީމާގެ ހާލަތު އިއްޔެއަށްވުރެ ރަނގަޅެވެ. އޭނާ ނަމަކަށް އެއްޗެއް އަރުން އެރެކޮށްލައިގެން އައިސް ކޮޓަރިއަށް ވަދެ ޖައްސާލީ، ރޭ ވެސް ރަނގަޅަށް ނުނިދޭތީ ނިދާލާށެވެ. އެހެންނަމަވެސް އޭނާއަކަށް ނިދޭ ގޮތެއްނުވެއެވެ. އެހެން އޮއްވާ ފެނުނީ އޭނާގެ ފޯނަށް ޖަމާލު ގުޅާތަނެވެ. ސީމާ ފޯނުނެގިއެވެ. ފުރަތަމަވެސް އޭނާގެ ކަންފަތުގައި ޖެހުނީ، ޖަމާލުގެ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. އެ އަޑާއެކުވެގެން އޭނާއަށް އިވެންފެށީ، ވަރަށް އެހެން ކަހަލަ ވާހަކަތަކެކެވެ. ސީމާއަށް އޮވެވުނީ، ހުއްޓުން އަރާފައެވެ. އޭނާގެ ބައްޕައެއްގެ މަޤާމަށް، މި ފަދަ މީހަކު އައީތީ އޭނާ ކަންބޮޑުވިއެވެ. ޖަމާލުގެ ވާހަކަ ނިންމާލިއިރު، ސީމާއަށް އޮވެވުނީ ބުނާނެ އެއްޗެއް ނޭނގި ބޮޑު ބިރެއްގެ ތެރޭގައެވެ.
އެއީ ނަބީލުގެ ޖީސީއީ އަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން ޖަމާލު ކޮޅުކޮޅަށް ދުވެދުވެ އުޅުނު ދުވަސްވަރެވެ. އިޤުބާލާ އޭނާއާ ދިމާވީ އެ ދުވަސްވަރުއެވެ. ހޮޓަލެއްގެ ތެރެއިންނެވެ. އިޤުބާލުގާތު ފައިސާކޮޅެއްގެ ވާހަކަ ދެއްކުމުން، އިޤުބާލު ހުށަހެޅީ ވަރަށް އެހެން ކަހަލަ ހުށަހެޅުމެވެ. މީހެއްގެ ފުރާނަ ދުއްވާލުމަށެވެ. ޖަމާލު ވަގުތުން އެ ކަމަށް އިންކާރުކުރިއެވެ. އެހެންނަމަވެސް އެ ރޭ، އެކަމާމެދު ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި، ނަބީލުގެ ޖީސީއީއަށް ބޭނުންވާ މިންވަރަށް ފައިސާ ދެނިކޮށް އެކަން ކޮށްދީފާނޭ ކަމަށް ބުނެ އޭނާ އެއްބަސްވިއެވެ. އިޤުބާލު ފައިސާ ހޯދީ އަންހެނުންގެ ގަހަނާކޮޅު ވިއްކައިލާފައެވެ.
ނަޖާހުގެ ގާތިލަކީ ޖަމާލެވެ. ނަޖާހު މަރާލި ރޭ ޖަމާލު ފިލްމަށް ވަނެވެ. އިޤުބާލު ވެސް ވަނެވެ. ނަޖާހު ފާހަަކޮށްދޭށެވެ. ފިލްމު ނިމި، މީހުން ނިކުމެ ތަން ހަމަހިމޭންވުމުން ޖަމާލު އޮލިމްޕަހަށް ވަނީ، ހޯލުގައި ވޮލެޓް ބޭއްވިފައި އޮތްކަމަށް ބުނެއެވެ. އޭރު ނަޖާހު ފިޔަވައި އިތުރު މީހަކު ފެންނާކަށް ނެތެވެ.
ނަޖާހާއެކު ހޯލަށް ވަންނަމުން ޖަމާލު އަތަށް އަންގި ލެއްވިއެވެ. ނަޖާހުގެ ބުރަކަށީގައި ވަޅި ޖައްސައިގެން، މައްޗަށް އެރުވީ ޖަމާލެވެ. ދަންޖެއްސީ، އޭނާގެ އުނަގަނޑުގައި އެ ކަމަށް އޮޅާލި ވާގަނޑަކުންނެވެ. ނަޖާހު ރޮއި އާދޭސްކުރިއެވެ. މުސްކުޅި މަންމައަށް ޓަކައި، އޭނާ ދޫކޮށްލައިދޭން އެދި ސަލާންޖެހިއެވެ. އެހެންނަމަވެސް ޖަމާލުގެ ހިތަކަށް ރަހުމެއް ނުވަދެއެވެ. އޭނާގެ ހިތުގައި ރަޙުމެއް އޮތް ނަމަ، އެކަމެއް ވަނީ ފައިސާގެ ދަޅައިން ފިލައި ގޮސްފައެވެ.
ނަޖާހުގެ ބޮލުގައި އެތިފަހަރެއް އަޅައި ބުރާންތިކޮށްލުމަށްފަހު، ދަންޖެއްސުމުން އޭނާ މަރަށްތެޅުނު މަންޒަރު، ކޮންމެ ރެއަކު ޖަމާލަށް ހުވަފެނުން ފެންނަންފެށިއެވެ. ބައެއް ރޭރޭ ހުވަފެނުގައި ނަޖާހު އޭނާއަށް އިންޒާރުދެއެވެ. އޭގެފަހުން އޮލިމްޕަސް ބަންދުވެފައި ދުވަސްތަކެއް ހޭދަވުމަށްފަހު، ފުރަތަމަ އެޅުވި ފިލްމަކީ، ނަޖާހުގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރި ފިލްމެވެ. އެ ފިލްމަށް ނަބީލުގެ ދެމަފިރިން ދާން ނިންމުމުން، ޖަމާލަށް ލިބުނީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. އޭނާގެ ޒަމީރު އޭނާއަށް ދިނީ އިންޒާރެވެ. އެ ބަސް ގަބޫލުނުކޮށް ނަބީލު އެ ފިލްމަށް ދިޔައީއެވެ.
ފައިސާގެ ދަހިވެތިކަމުގައި ޖަމާލަށް ކުރެވުނު ބޮޑު ފާފައަށް، އޭނާ މިއަދު އެ ހުރީ ތައުބާވެގެންނެވެ. އެހެންނަމަވެސް އޭނާއަށް އެ ރެއަށްފަހު އުފަލެއް ނުލިބެއެވެ. އުދާސްތައް އިތުރުވަމުން އައިސް އެންމެފަހު، އެ ނާމާންކަން އޭނާގެ ދަރިފުޅު ވެސް ގެންދިޔައީއެވެ.
=================
ފައިރޫޒު ހެނދުނު ހޭލައިގެން ސިޓިންރޫމަށް ނިކުމެ، އާދައިގެ މަތިން ފޯނު ނަގައި ޚަބަރުތައް ކިޔައިލަން ސޯފާގައި ޖައްސާލިއެވެ. އޭރު އޭނާގެ އަންހެނުން ލަތީފާ އުޅެނީ، ގުރޭޑު 1 ގައި ކިޔަވަމުން އަންނަ އޭނާގެ ހަގުދަރި ސްކޫލަށް ގެންދަން ތައްޔާރުކުރުމުގައެވެ. އަންނަ އަހަރަކީ ދޮށީ ދަރިފުޅުގެ ޖީސީ އަހަރެވެ. ދެވަނަ ދަރިފުޅު މިއަަހަރު އުޅެނީ ހަތެއްގައެވެ.
“ލަތީ! ނިކަން ބަލައިލަ ބަލަ މި އޮތް ޚަބަރެއް!” ފައިރޫޒަށް ފުންމައިގެން ތެދުވެވުނެވެ.
“ކޮން ކަހަލަ ޚަބަރެއް؟”
“ނަޖާހުގެ ގާތިލު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެޔޯ؟”
“ނަޖާހޭ؟” ލަތީއަކަށް ނޭނގުނެވެ.
“މި ގޭގައި އުޅުނެއްނު ގަރީބާދައްތަ. މަ ކިޔައިދިނީމެއްނު ގަރީބައްތަގެ ދަރިއަކު ދަންޖެހުނު ވާހަކަ.”
“އާނ!” ލަތީގެ ހަނދާނަށް އަތުވެއްޖެއެވެ. “އޭނަ އަމިއްލައަށް ދަންޖެހުނީއެއް ނޫންތަ؟”
“އެހެންތާ އެ ވީ.” ފައިރޫޒު ޚަބަރުކުޔާން ފެށިއެވެ.
“ގަރީބައްތަ ދުނިޔޭގައި ހުރި ނަމަ މިއަދު ވަރަށް އުފާވީސް ކަންނޭނގެ ދޯ!” އޭނާ މަރުދުވަހާ ހަމައަށް ބެލީ ފައިރޫޒުގެ ދެމަފިރިންނެވެ.
ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ ޖަމާލު އިނީ ޖަލުގެ ތޭރިތަކުގެ ނިވަލުގައެވެ. އިޤުބާލު އޮތީ ކައްވަޅުގެ އަނދިރި ދާނުގައެވެ. ބަދޫރާ އޮތީ ބަލި ތަންމަތީގައެވެ. ޝިމާނާގެ އުމުރުން ސާޅީހުން މައްޗަށް ދިޔައިރު، މީހަކާ އިނދެ ދިރިއުޅުމެއް ފެށުމުގެ ޚިޔާލެއް ވެސް ނެތެވެ.
ނިމުނީ
Be the first to comment