ޤައުމެއް ދިރިދެމި އޮންނާނީ ޤައުމީ ލޯބިން ފުރާނަ އެޅިގެންނެވެ.
ފެށުން
ތަރިތަކަށް ދިރުން ލިބި އޭގެ އުޖާލާކަންމަތީގައި ވިދާ ބަބުޅާތަން ދުނިޔޭގެ ލޯތަކަށް ފެންނާން އެ ހުންނަނީ، އިރުގެ އަލި ދޯދިތައް ތަރިތަކަށް ޓަކައި ވަމުން އަންނަ އަގުނުކުރެވޭ ފަދަ ބޮޑު ޤުރުބާނީގެ ސަބަބުންނެވެ. ހަމައެފަދައިން، ޤައުމަކަށް ޤައުމެއްގެ ގޮތުގައި ފުރިހަމަކަމާއެކު ދިރިދެމި އޮވެވޭނީ، އެ ޤައުމެއްގެ ފަރުދުން ޤައުމަށް ޓަކައި ޤުރުބާނީތަކެއް ވެގެންކަން ކަށަވަރެވެ. އެ ބަޔަކު ނިސްބަތްވާ ދީނަށް ޓަކައެވެ. މިނިވަންކަމަށް ޓަކައެވެ. ތަޢުލީމަށް ޓަކައެވެ. ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް ޓަކައެވެ. އަދިވެސް އެ ފަދަ އެތައް ކަމަކަށް ޓަކައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ތާރީޚުގެ ޞަފުޙާތަކަށް ނަޒަރު ހިންގައިލުމުން، މި އުފާވެރި މަންޒަރު ފެންނާން އެބަ އޮތެވެ. ދިވެހި ދަރީންގެ ހިތުގައި ޤައުމަށް ޓަކައި އުފެދިފައިވާ މަތިވެރި ލޯބީގެ ސަބަބުން ޤައުމަށް ލިބިފައި ހުރި ކުރިއެރުންތަކެވެ. އެހެންކަމުން މި މަޒުމޫނުގައި އަލިއަޅުވައިލާނީ، ދިވެހިޤައުމުގެ ދަރީންގެ ހިތުގައި، ޤައުމީލޯބި އަށަގެންފައި އޮތުމުގެ ސަބަބުން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށާއި، ޤައުމަކަށް ލިބޭނެ އެންމެ މަތިވެރި އެއް ނިޢުމަތްކަމަށްވާ ޤައުމުގެ މިނިވަންކަމަށާއި ހިތްތަކަށް އަލިކަން ލިއްބައިދޭ ތަޢުލީމަށާއި ތަރައްޤީއަށް އަދި އެހެނިހެން ގޮތްގޮތުން ލިބިފައި ހުރި ކުރިއެރުންތަކުގެ މައްޗަށެވެ.
އިސްލާމްދީން
ޤައުމެއް ކުރިއަރައި ތަރައްޤީވާނީ، އެ ޤައުމެއްގެ ދަރީންގެ ހިތުގައި ޤައުމީ ލޯބި އުފެދިފައި އޮތް މިންވަރެއްގެ މައްޗަށްކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެގޮތުން ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ، ނުވަތަ ދިރުމަކީ، މާތްﷲ މަތިވެރި ކުރައްވާފައިވާ އިސްލާމްދީނުގެ މަތިވެރި ނޫރުން އެ ޤައުމެއް އަލިވެ، އުޖާލާވެގެން ދިޔުމެވެ. ﷲ ގެ ރަޙުމަތާއެކު މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ﷲ ވަނީ ދެއްވާފައެވެ. މިއީ މި ޤައުމަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. ދިރުމެވެ. ތާރީޚު ހެކިދޭގޮތުގައި އެންމެ ފުރަތަމަ ދިވެހީން އުޅެމުން އައިސްފަނީ ބުދުދީނަށެވެ. އަޅުކަން ކުރަމުން އައިސްފައިވަނީ ބުދަށެވެ. ﷲ އަށް ޝަރީކުކުރުމުގެ ނުބައި އަމަލުން، ޤައުމު ވަނީ ކިލަނބުވެފައެވެ. އެހެންނަމަވެސް ﷲ އެކަމަށް އިރާދަކުރެއްވި ހިސާބުން، އިސްލާމްދީނުގެ އަލިކަމުން ދިވެހީންގެ ހިތްތަކަށް ވަނީ އަލިކަން ލިބިފައެވެ. މުޙައްމަދު އަމީން (2002) ހާމަކުރައްވާގޮތުގައި ރާއްޖެ އިސްލާމްވިއިރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ ތީމުގޭ މަހާކަލަމިންޖާއޭ ކިޔުނު ރާޖާއެކެވެ. އަބުލްބަރަކާތުން ބަރުބަރީ ރާއްޖެ ވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން އެ ރާޖާ އިސްލާމްދީން ޚިޔާރުކުރެއްވިއެވެ. އެއަށްފަހު އެ ރަދުންގެ ނަންފުޅަކީ އައްސުލްޠާނު ދަރުމަސް މުޙައްމަދު ބިން ޢަބްދިﷲއެވެ. މި ރަސްގެފާނަކީ، ދީނާއި ދުނިޔޭގެ ކަންތައް ފުރިހަމައަށް ހިންގެވި، ރައްޔިތުންނަށް އޯގާވެރި ލޯބިވެރި ރަސްކަލެކެވެ. ދީނުގެ ޤަވާޢިދުތައް އައުކުރައްވައި، ދީނުގެ ޙުކުމްތައް މީސްތަކުންނަށް ފިލުވައިދެއްވަން މަސައްކަތްކުރައްވައި، ރަސްކަމުގެ ޤާނޫނުތައް ހައްދަވައި، ކާފިރުކަމުގެ މަގުތަކާއި ނިޝާންތައް މުގުރުއްވައި، މިސްކިތްތައް ބިނާކުރައްވައި، ޖަމާޢަތުގައި ނަމާދުކުރުމަށާއި ހުކުރުކުރުމަށް އަމުރުކުރެއްވި ޞާލިޙު ވެރިއެކެވެ.
ދިވެހިރާއްޖެ އަކީ ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ޖަޒީރާ ޤައުމަކެވެ. މީސްތަކުން ދިރިއުޅެމުން އައީ ކުދިކުދި ރަށްރަށުގައި އެކަހެރި ދިރިއުޅުމެކެވެ. ދަތުރުފަތުރާއި މުވާޞަލާތީ ކަންކަން އޮންނާނީ ވަރަށް ދޯހަޅިކޮށެވެ. އެ ފަދަ ދުވަސްވަރެއްގައި މުޅި ދިވެހި އުއްމަތް އިސްލާމްދީނަށް އަނބުރައިލުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ބުދު ދީނުގެ އަޤީދާގެ މައްޗަށް އުފަންވެ، އެ ގޮތުގައި އުޅެމުން އައިސްފައިވާ ބަޔަކު، އިސްލާމްދީނަށް ވެއްދުން އެހައި ލުއި ކަމަކަށް ނުވާނެއެވެ. މުޙައްމަދު އިބުރާހީމް ލުތުފީ (2001) ވިދާޅުވާގޮތުގައި، ރާއްޖޭގެ ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުނީ މަދު ދުވަސްކޮޅެއްގެ ތެރެއަކު ނޫނެވެ. އަދި އޮމާންކަމާއެކުގައެއް ވެސް ނޫނެވެ. ރާއްޖޭގެ އެކިއެކި ރަސްރަސްކަލުން، ބާރާއި ނުފޫޒު ބޭނުންކޮށްގެން ކުރެވުނު ބުރަ މަސައްކަތްތަކަކުންނެވެ. އެކަމަށް މަދުވެގެން 70 ވަރަކަށް އަހަރު ހޭދަވިއެވެ. އެހެންކަމަށްވާ ނަމަ، މި ކަމުގައި ޝާމިލްވާނީ އެންމެ މީހެއް ދެ މީހެއް ނޫނެވެ.
އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ދިވެހީންނަށް ލިބުމަށް ﷲ ތަޢާލާ މެދުވެރިކުރެއްވީ، މަޣުރިބުކަރައިގެ ވަލީވެރި ބޭކަލެއް ނަމަވެސް، ދިވެރާއްޖޭގެ ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުމުގައި ޤައުމުދެކެ ލޯބިވާ އެތައް ދިވެހި ދަރީންނެއްގެ އަގުހުރި ޚިދުމަތް އެކުލެވޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ، ހިޖުރީ ސަނަތުން 588 އިން 595 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނު ދިނެއި ކަލަމިންޖާ ސިރީ ގަނޑަނާދީއްތަ މަހާރަދުންނެވެ. ރާއްޖޭގެ ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުއްވުމަށް ޓަކައި، އެ ރަދުން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ. ނަސީމާ މުޙައްމަދު (2003) ވިދާޅުވާގޮތުގައި، ގަނޑަނާދީއްތަ މަހާރަދުންގެ ބުރަ މިންނެތް މަސައްކަތްޕުޅުން ލ. އަތޮޅަށް އިސްލާމީ ހިދާޔަތު ވަނީ ފޯރުކޮށްދެއްވާފައެވެ. އެގޮތުން ލ. ދަނބިދޫގައި ހުރި ބުޑިސްޓު ވޭރުތައް ނައްތަވާލެއްވިއެވެ. ހާމުދުރުންގެ ޖަމާޢަތްތައް އުވާލެއްވުމަށްފަހު އެ ރަށުގެ މީހުން އިސްލާން ކުރެއްވިއެވެ. އަދި އެރަށުގައި މިސްކިތެއް ބިނާކުރެއްވިއެވެ. މީގެ އިތުރުން ލ. އިސްދޫގައި ހުރި ވޭރު ހަލާކުކުރައްވައި، ބުދުތައް ނަންގަވައި، ހާމުދުރުންތައް މާލެ ގެނެސް، އިސްލާން ކުރެއްވިއެވެ. އިސްލާން ނުވި ހާމުދުރުން ގަތުލުކުރެއްވިއެވެ. މީގެއިތުރުން، އެ ރަށުގައި ވެސް މިސްކިތެއް ބިނާކުރައްވައި އެ މިސްކިތަށް “ޖުމާ” މިސްކިތުގެ ނަމުން ނަންދެއްވިއެވެ. އަދި އިސްދުއަކީ އެ އަތޮޅުގެ ވެރިރަށް ކަމުގައި ހައްދަވައި، އިސްލާންވާ މީހުންނަށް އެ ރަށުގައި ދިރިއުޅުމުގެ ހުއްދަ ދެއްވިއެވެ. ކަށިމާ އަހުމަދު ޝާކިރު (2017) ވިދާޅުވާގޮތުގައި ގަނޑަނާދީއްތަ މަހާރަދުންނަކީ ރާއްޖޭގެ ކަންކޮޅުތަކަށް ދީން ފެތުރުއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި ރަސްކަލެއްކަމުން، އެ ރަދުންގެ ރަސްކަމުގައި ރާއްޖޭގެ ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުއްވުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔައެވެ.
އިސްލާންދީން އަޅުގަނޑުމެންނާ ހަމައަށް އައުމަށް ފަހު، މިއަދާ ހަމައަށް އޭގެ ފުރިހަމަ ގޮތުގައި ދެމިއޮތް އޮތުމަކީ، އެކަމަށް ޓަކައި އެތައް ބަޔެއްގެ ބުރަމަސައްކަތް ހިމެނޭނޭ ކަމެއްކަން ކަށަވަރެވެ. އެގޮތުން ފާހަގަކުރެވޭ ބޭބޭފުޅުންގެ ލިސްޓުގައި މުޙައްމަދު އަމީނުގެ ނަންފުޅު ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. މުހައްމަދު އަމީނަކީ އިސްލާމީ ޝަރީޢަތް ދިވެހިރާއްޖޭގައި ހިންގަވަން ގަދައަޅައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ކަށިމާ އަޙުމަދު ޝާކިރު (އނ) ވިދާޅުވާގޮތުން، ވައްކަން ކުރާ މީހުންގެ އަތް ކެނޑުމާއި މަރަށް މަރު ހިފުން ފަދަ އިސްލާމީ ޝަރީޢާގައި ހިމެނޭ ހުކުމްތައް މުޙައްމަދު އަމީނު ވަނީ ޖެހިލުމެއް ނެތި ތަންފީޒު ކުރައްވާފައެވެ. އިސްލާންދީން އޭގެ ފުރިހަމަ ގޮތުގައި ބޭއްވުމަށެވެ. އިސްލާންދީނާ ޚިލާފު ޢަމަލުތަކުން ޤައުމު ސަލާމަތްކޮށް ރައްކާތެރިކުރުމަށެވެ. އަދިވެސް މި ފަދަ އެތައް ސަބަބުތަކަކަށް ޓަކައެވެ. އެހެންކަމުން ބުދުތަކުގެ ކުރިމަތީގައި ތިބެ، ﷲ އަށް ޝަރީކުކުރަމުން ދިޔަ ދިވެހީންނަށް، އިސްލާންދީނުގެ މަތިވެރި ނިޢުމަތް ލިބި، މުޅި ޤައުމަށް އިސްލާމީ ހިދާޔަތުގެ އަލިކަން ފެތުރި، މިއަދުގެ ޖީލާ ހަމައަށް މި ދީން ރައްކާތެރިމާއެކު ލިބިދިނުމުގައި ޤައުމުދެކެ ލޯބިވާ ބަޔަކު ކުރި ބުރަ މަސައްކަތްތަކެއް ވާ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިއީ އެ ފަރާތްތަކުގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންފައިވުމުގެ ސަބަބުން، ގައުމަށް ލިބިފައިވާ ކިހައި ބޮޑު ކުރިއެރުމެއްތޯއެވެ.
މިނިވަންކަން
ޤައުމެއްގެ ގޮތުގައި ޤައުމަކަށް ދިރިދެމި އޮވެވޭނީ، އެ ޤައުމަކަށް ފުރިހަމަ މިނިވަންކަމުގެ މަތިވެރި ނިޢުމަތް ލިބިގެންނެވެ. ތާރީޚުގެ ފަތްފުށްތައް އުކައިލައި، ބަލައިލާއިރު ދިވެހިރާއްޖެ ފެންނާން އޮންނަނީ، މިނިވަންކަމާއެކު ބޔަކު ދިރިއުޅެމުން އައި މިނިވަން ޤައުމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އެކި ފަހަރު މަތީން، އެކި ގޮތްގޮތަށް، އެކި މުއްދަތަށް އަޅުވެތިކަމުގެ ހިތި ދުވަސްތައް ވަނީ ތަރުޖިބާކޮށްފައެވެ. މިއިން ކޮންމެ އަޅުވެތިކަމަކު ޤައުމު ސަލާމަތްކުރައްވައި، މިނިވަން ޤައުމަކަށް ދިވެހިރާއްޖެ ގެންނަވާފައި ވަނީ، ދިވެހި ޤައުމުގެދެކެ ލޯބިވާ ދިވެހި ދަރީންނެވެ. އެގޮތުން މީލާދީން 1558 ވަނަ އަހަރު، ޕޯޗުގީޒުންގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ދިޔަ ދިޔުމަކީ، ދިވެހީން ތަޖުރިބާކުރި އެންމެ ދިގު އަޅުވެތިކަމެވެ. މުޙައްމަދު އަމީނު (2002) ބަޔާންކުރައްވާ ގޮތުގައި ޕޯޗުގީޒުން ދިވެހިރާއްޖެ އަޅުވެތިކޮށްގެން އުޅުނުއިރު، އެބައިމީހުންގެ ދުއްތުރާ ވަނީ ރާއްޖޭގެ ހަތަރު ބިތަށް ފެތުރިފައެވެ. ބިރުވެރިކަމާއި ނިކަމެތި ހާލަތުގައި ދިވެހީން ދުވަސްތައް ގުނަމުން ގެންދިޔައީ ނުހަނު ހިތްދަތިކޮށެވެ. އެހެންނަމަވެސް އެ އަނިޔާވެރީންގެ ވެރިކަން ހަލާކުވެ، ދިވެހީންނަށް ނަޞްރު ލިބުމަށް މެދުވެރި ކުރެއްވި ފަރާތަކީ، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހި ދަރިއެއް ކަމަށްވާ، އުތީމު މުޙައްމަދު ތަކުރުފާނެވެ. އާދެ ނަން މަޝްހޫރު ބޮޑުތަކުރުފާނެވެ.
ޕޯޗުގީޒުންގެ 14 ނުވަތަ 17 އަހަރުގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުމުގައި އެ ތަކުރުފާނު ވެވަޑައިގެންނެވި ޤުރުބާނީއަކީ، ދިވެހި ފަސްގަނޑު ދެމިއޮތްހައި ހިނދަކު ހަނދާނުން ނެތިގެންދާނޭ ޖިހާދެއް ނޫނެވެ. ނަސީމާ މުޙައްމަދު (2013) ބަޔާންކުރައްވާ ގޮތުގައި، ޕޯޗުގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނުގެ ލަޝްކަރު ކުރެއްވި ޖިހާދަކީ، ދިވެހި ޤައުމަށް ޓަކައި އެ ތަކުރުފާނު ވެވަޑައިގެންނެވި އާދަޔާޚިލާފު މަތިވެރި ޤުރުބާނީއެކެވެ. އެ ޖިހާދުގައި، އެ ތަކުރުފާނާއި އޭނާގެ ބައިވެރީން، ޕޯޗުގީޒުން ދިރިއުޅޭ ރަށްރަށަށް ރޭގަނޑު ސިއްރިއްޔާތުގައި އަރުއްވައި، ކާފަރުން މަރުއްވާފައި، ދުވާލުގެ އަލިކަން ފޯރަންވާއިރަށް، އޮޑީގެ ރިޔާ ނުފެންނަ ހިސާބު ބޭރަށް ވަޑައިގަންނަވައެވެ. މިކަމުގެ ސަބަބުން ކާފަރުންގެ ޢަދަދު އައީ، ދުވަހުން ދުވަހަށް މަދުވަމުންނެވެ. މާ ބޮޑަށް މަދުވާން ފެށުމުން، ބާކީ ތިބި ޕޯޗުގީޒުން މާލެ ގެންގޮސް، މާލޭގެ ސަލާމަތީބާރު ވަރުގަދަކުރިއެވެ. މިކަން އެނގިވަޑައިގަތުމުން، ބޮޑު ތަކުރުފާނު ކަންނަންނޫރަށް ވަޑައިގެން، އަލީރާޖާގެ އެހީތެރިކަން ހޯއްދެވިއެވެ. އަދި އޭނާގެ ލަޝްކަރާއެކު މާލެ ވަޑައިގެން، ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި، ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލް އައްވަލްމަހުގެ އެއް ވަނަ ދުވަހު، ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވިއެވެ.
ޕޯޗުގީޒުންގެ ދިގު އަޅުވެތިކަމަށްފަހު، ދިވެހިން ތަޖުރިބާކުރި އެންމެ އަނިޔާވެރި އަޅުވެތިކަމަކީ، ދިވެހިރާއްޖެ ހޮޅިންގެ އަތްދަށުވެ، ދިވެހިން ތަޖުރިބާކުރި އަޅުވެތިކަމެވެ. ހޮޅިންގެ އަނިޔާވެރިކަމާއި ރަޙުމުކުޑަ އަމަލުތަކުގެ ސަބަބުން، ދިވެހީން އުފުލި ވޭނާއި އިހުސާސްކުރި ހިތްދަތި އިހުސާސްތަކަށް ނިމުމެއް ގެނައީ، ދިވެހި ލޭ ހިނގާ ދިވެހި ދަރިއެއްގެ އަގުނުކުރެވޭ ފަދަ ޖިހާދެއްގެ ތެރެއިންނެވެ. މި މަތިވެރި ޖިހާދުން ވެސް ފެންނަ އެންމެ ތަނަވަސް މަންޒަރަކީ، ޤައުމީ ލޯތްބާއި އެ ލޯބީގެ ސަބަބުން ޤައުމަށް ލިބިފައިވާ ދިރުމެވެ. ދިވެހިރާއްޖެ ހޮޅީންގެ އަތްދަށުވެ ދިވެހީންގެ މިނިވަންކަން ގެއްލި، އަޅުވެތިކަމުގެ ހިތި ކޯވަރުތައް ދިވެހީން ދިރުވަމުން އަންނަތާ 3 މަހާއި 20 ދުވަސް ވީއިރު، ދިވެހީންނަށް ވަނީ، ގިނަގުނަ އަނިޔާތަކަކާއި ވޭންތަކެއް ތަޙައްމަލު ކުރާން ޖެހިފައެވެ. އަހުމަދު ހަމީދު ފަހުމީ (1988) ވިދާޅުވާގޮތުން ހޮޅިންގެ އަތްތަދަށުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރު، ފިރިހެނުންނަށް ހާނީއްކަކުރުމާއި ރޯމާދުވާލު އަންހެންކުދީންނަށް ފާޅުގައި ހިތުހުރިކަމެއް އައީ ކުރަމުންނެވެ. މި ކަންކަމާމެދު ދިވެއްސެއްގެ ފުށުން ނުރުހުމުގެ އަސަރެއް ފެނިއްޖެ ނަމަ، އެ މީހަކުގެ ގައިގައި ތަޅައި އަނިޔާކޮށް ހަދައެވެ. ހޮޅިންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައި ވަނިކޮށް، މި އަނިޔާވެރިކަމުން ދިވެހީން ސަލާމަތްކޮށް، މިނިވަންކަމުގެ އައްސޭރިއަކަށް ދިވެހީން ގެންގޮސްދިނުމުގެ ހިކުމަތްތެރި ރޭވުންތައް ރާވައި 200 ވަރަކަށް މީހުންގެ ލަޝްކަރަކާއެކު ނިކުންނަވައި، ޤައުމު މިނިވަންކަމުގެ އައްސޭރިއަކަށް ގެންދިޔުމުގެ މޭސްތިރިއަކީ ދޮންބަންޑާރައިންނެވެ. ނަސީމާ މުޙައްމަދު (2013) ބަޔާންކުރައްވާ ގޮތުގައި، 1166 ވަނަ އަހަރު ޖުމާދިލްއާޚިރުމަހު 3 ވީ އާދީއްތަ ވިލޭރޭ ދޮންބަންޑާރައިންނާއި އޭނާގެ ބައިވެރިން، ދިވެހިރާއްޖެ މިނިވަންކުރެއްވީ، ވަރަށް ހިކުމަތްތެރިކަމާއެކުގައެވެ. އެގޮތުން ހޮޅިންގާތު އުޅޭ ދިވެއްސަކާ ވާހަކަދައްކައިގެން، އެ ރޭ ނުވަ ފުޅީގެ ވަގުތު، އެ މީހާލައްވައި ވެޔޮދޮށު ގަނޑުވަރު ދޮރޯށި ހުޅުވައި، ދޮންބަންޑާރައިންނާއި އޭނާގެ ލަޝްކަރު ގަނޑުވަރަށް ވެދެވަޑައިގެން ހޮޅިންނާ ހަނގުރާމަކުރެއްވީއެވެ. މި ހަނގުރާމައިގައި ހޮޅިންގެ ވެރިއަކަށް ހުރި ކަނައްކަފޫޅު ގަތުލުކުރައްވައި، ހޮޅިންގެ ލަޝްކަރު ބަލިކުރެއްވިއެވެ. މިހައިތަކުން ދިވެހީންނަށް ފުރިހަމަ މިނިވަންކަން ލިބި އަޅުވެތިކަމުގެ ހިތާމައާއި ބިރުވެރިކަމުން ދިވެހީން ސަލާމަތް އުފާވެރި ދުވަސްތަކަކަށް އަލިވިލުނެވެ.
ހޮޅީންގެ އަނިޔާވެރި އަޅުވެތިކަމަށްފަހު، ދިވެހީންގެ މިނިވަންކަމަށް ހުރަސްއެޅުނު އެއް ކަމަކީ، އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔަ ދިޔުމެވެ. އެއީ ހިމާޔަތުގެ ދަށުގައި ދިވެހީން ހޭދަކުރި 78 އަހަރަކީ ދިވެހިރާއްޖެއަށް ފުރިހަމަ މާނައިގައި މިނިވަންކަން ލިބިފައިވާ ދުވަސްވަރެއް ނޫނެވެ. މުޙައްމަދު ޝާޠިރު (2000) ވިދާޅުވާގޮތުން، ޚާރިޖީ މިނިވަންކަން ފިޔަވައި ހުރިހައި މިނިވަންކަމެއް ވެސް އެ ދުވަސްވަރު ދިވެހީންނަށް ލިބިފައި އޮތް ކަމަށް ބުނެވިދާނެއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށް ބުނަންޖެހެނީ، އިނގިރޭސި ދައުލަތް މެދުވެރިނުކޮށް ދުނިޔޭގެ އެއްވެސް ޤައުމަކާ އެއްވެސް ބާވަތެއްގެ މުޢަމަލާތެއް ކުރެވޭނެ ގޮތެއް ދިވެހި ދައުލަތަށް އޭރު ނެތީމައެވެ. ކަށިމާ އަހުމަދު ޝާކިރު (2015) ބަޔާންކުރައްވާ ގޮތުގައި ދިވެހީންގެ ދާޚިލީ މިނިވަންކަމެއް ވެސް އޭރަކުނެތެވެ. މީގެ ހެއްކަކީ، އައްޑު ބަޣާވާތުގައި އިސްކޮށް ހުންނެވި ޢަބުދުﷲ އަފީފާއި އޭނާގެ ޢާއިލާ، އިނގިރޭސިންގެ ޙިމާޔަތުގައި ސީޝެލްސްއަށް ގެންދިޔައީ، ދިވެހި ސަރުކާރުން އެކަމަށް އިޢުތިރާޒް ކުރަމުން ގެންދަނިކޮށެވެ. މިކަމާ ގުޅިގެން އިނގިރޭސި ސަފީރު، މިސްޓަރ ޑޭވީ، ވުޒާރަތުން ދާޚިލިއްޔާއަށް ގެންދަވައި، ބޮޑުވަޒީރު އިބުރާހީމް ނާސިރު ވެސް އިންނަވައި، އެ ކަމާގުޅޭގޮތުން ސުވާލުކުރެއްވިއެވެ. ޑޭވީ އެތައް އިރަކު އެއްޗެއް ވިދާޅުނުވެ އިންނެވުމަށްފަހު، ނުރުހުމާއެކު ވިދާޅުވީ، ދިވެހިރާއްޖެއަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތް ޤައުމަކަށްވާތީ، އިނގިރޭސިން ބޭނުންވެއްޖެ ނަމަ، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިމާޔަތް ދެވިދާނެކަމަށެވެ. މިކަމުން ހާމަވަނީ، އެ ދުވަސްވަރު ދިވެހީންގެ ދާޚިލީ މިނިވަންކަމަށް ވެސް ހުރަސް އެޅިފައިވާކަމެވެ.
އިނގިރޭސީންގެ ހިމާޔަތުގެ ނަމުގައި ވެފައިވާ އަޅުވެތިކަމުން ދިވެހީން ސަލާމަތްކުރުމަށް ޓަކައި، އޭރުގެ ބޮޑުވަޒީރު އަލްފާޟިލް އިބުރާހީމް ނާޞިރު ކުރެއްވި ހިކުމަތްތެރި މިންނެތް މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްޕުޅުތަކެކެވެ. އިނގިރޭސީން ތަފާތު ގޮތްގޮތަށް ތަފާތު ހުށަހެޅުންތައް ހުށަހަޅަމުން ގެންދިޔައިރު ވެސް، އެ ފަދަ ބާރު ގަދަ ދައުލަތެއްގެ ކުރިމަތީގައި ގޮތް ދޫނުކުރައްވައި، މިނިވަން ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމަށް ޓަކައި އެ މަނިކުފާނު ކުރެއްވީ ވަރަށް ވަރުގަދަ ޖިހާދެކެވެ. ކަށިމާ އަހުމަދު ޝާކިރު (2015) ބަޔާންކުރައްވާ ގޮތުގައި ދެ ސަރުކާރުގެ ދެމެދުގައި އެތައް މަސްދުވަހެއް ވާންދެން ތަފާތު ގޮތްގޮތަށް ވާހަކަދެކެވުނެވެ. ހިކުމަތްތެރި އެތައް ރޭވުންތަކެއް ދިވެހި ދައުލަތުން ރާއްވަވައި ހިންގެވިއެވެ. އެންމެފަހުން ދިވެހި ޤައުމަށް ފުރިހަމަ މިނިވަންކަން ދިނުމަށް އިނގިރޭސީން އެއްބަސްވިއެވެ. ހުރިހައި ކޮޅަކުން ގޮތް ހުސްވުމުންނެވެ. އާދޭހެވެ! ބޮޑުވަޒީރު އިބުރާހީމްނާސިރު ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުންނެވެ. މި ބުރަ މަސައްކަތަށް ނިމުން އައީ، 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމުގެ އެގްރީމެންޓުގައި ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރެވުނު ހިސާބުންނެވެ. އެހެންކަމުން އެކިފަހަރު އެކި ކަހަލަ ތަފާތު އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންވެފައިވާއިރު، މިއިން ކޮންމެ މިނިވަންކަމެއްގެ ވެސް މޭސްތިރިއަކީ، ގިވެހި ޤައުމުދެކެ ލޯބިވާ ޤައުމަށް ހެޔޮއެދޭ ދިވެހި ދަރިއެކެވެ. ބޮޑުތަކުރުފާނުގެ ފަނޑުވުމެއް ނެތް ޖިހާދާއި ދޮންބަންޑާރައިންގެ ހިތްވަރު ގަދަ ޤުރުބާނީއާއި އިބުރާހީމް ނާސިރުގެ ހިކުމަތްތެރި މަސައްކަތްޕުޅަކީ މި ޤައުމު، ޤައުމެއްގެ ގޮތުގައި ދިރިދެމި އޮތުމުގައި ކޮންފަދަ ބުރަ، މަސައްކަތްޕުޅުތަކެއް ތޯއެވެ.
ތަޢުލީމް
ޤައުމެއް ޤައުމެއްގެ ގޮތުގައި ދިރިދެމި އޮންނާނީ، އެ ޤައުމެއްގެ ދަރީންނަކީ، އިލްމީގޮތުން ޤާބިލް ބަޔަކަށް ވެގެންނެވެ. މި ފަދަ ދަރީންތަކެއް ތިބި ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި، ދިވެހި ދަރީން އެކި ގޮތްގޮތުން، ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން އައްސުލްޠާނު މުހައްމަދު ޢިމާދުއްދީން (6) ގެ ރަސްކަމުގައި އެ ރަދުން، ދިވެހި ޤައުމުގެ ތަޢުލީމު ކުރިއެރުވުމަށް ޓަކައި އެ ޒަމާނުގެ ފެންވަރުން މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ. ކަށިމާ އަހުމަދު ޝާކިރު (2009) ވިދާޅުވާގޮތުގައި، ރާއްޖޭގެ ކަންކޮޅުތަކުގައި އިލްމުގެ އަލިގަދަ ނޫރު ފެތުރުއްވުމަށް، އެ ރަދުންގެ ރަސްކަމުގައި، މާލޭގެ ހަތަރު އަވަށުގައި ކިޔަވައިދޭނެ އެދުރުން ލެއްވިއެވެ. އެ މީހުނަށް ހަނޑުލުން މުސާރަ ދެއްވައިގެން ދިވެހި ދަރީންނަށް ތަޢުލީމު ފޯރުކޮށްދެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި “ބަންޑާރަ އެދުރުގެ” ނަމުގައި މަދަރުސާއެއް އުފައްދަވައިގެން، ކުދީންނަށް ކިޔެވޭނެ މަގު ވެސް ތަނަވަސްކޮށްދެއްވިއެވެ. މީގެ އިތުރުން އިސްކަންދަރު ރަސްގެފާނަކީ ވެސް ރާއްޖޭގެ ތައުލީމަށް ވަރަށް ޚާއްޞަ ޚިދުމަތެއްކޮށްދެއްވި ރަސްކަލެކެވެ. މުޙައްމަދު އަމީން (2002) ހާމަކުރައްވާ ގޮތުގައި، އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތު ދެކުނު ދޮރޯށި ބިނާކުރައްވައި، ފިޤުހުވެރިއަކު ލައްވައިގެން އެތަނުގައި ކުދީންނަށް ޤުރުއާނާއި ފަރުޟު ޢިލްމު އުނގަންނައިދެއްވަން ފެއްޓެވިއެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ މަދަރުސާ ކަމަށް އަމީން (2002) ވިދާޅުވެފައި ވެއެވެ.
އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި، އެ ރަދުން ވެސް ދިވެހިރާއްޖޭގެ ތަޢުލީމަށް ޓަކައި ވަނީ، ފާހަގަކޮށްލެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މި ޒަމާނުގައި ރާއްޖޭގައި ފެންނާން މި ހުރި އިސްކޫލުތަކުގެ ފެށުން ގުޅިފައި މި ވަނީ، އެ ރަދުންގެ އިސްނެންގެވުމާއެކު އެޅުއްވި ފިޔަވަޅުފުޅާއެވެ. ކަށިމާ އަހުމަދު ޝާކިރު (2009) ވިދާޅުވާގޮތުގައި، 20 އޭޕްރީލް 1927 ވީ ބުދަ ދުވަހު، މިއަދުގެ މަޖީދިއްޔާ އިސްކޫލުގެ ކިޔެވުން، މަދަރުސަތުއް ސަނިއްޔާގެ ނަމުގައި ފެއްޓެވީ މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގެ ދުވަސްވަރުގައެވެ. އޭގެ ފަހުން އެ މަދަރުސާގެ ކިޔެވުން މެދުނުކެނޑި އަންނަނީ ހިނގަމުންނެވެ. ޒަމާނާ އެކު ބަދަކުވަމުން ކުރިއަރަމުންނެވެ. ކުޅަދާނަ ފަންނުވެރި އެތައް ދަރީންނެއް ޤައުމީ ޚިދުމަތަށް ނެރެމުންނެވެ.
ދިވެހިރާއްޖޭގެ މި ޒަމާނުގެ ތަޢުލީމުގެ ފެށުން ގުޅިފައި ވަނީ، ޝައްކެއްވެސް ނެތް ގޮތުގައި އަލްއަމީރު މުޙައްމަދު އަމީން ދީދީއާއެވެ. 1933 ވަނަ އަހަރު ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާއާ އެ މަނިކުފާނު ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ތަޢުލީމަށް ހެޔޮ ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ޚާއްޞަކޮށް ޒަމާނީ ތަޢުލީމުގެ ބިންގާ ވަނީ އަޅުއްވާފައެވެ. ކަށިމާ އަހުމަދު ޝާކިރު (އނ) ހާމަކުރައްވާގޮތުގައި، ތައުލީމީ ވުޒާރާއާ ހަވާލުވެވަޑައިގަތުމަށްފަހު، މުޙައްމަދު އަމީން ވަނީ މަދަރުސާތަކުގެ ޤަވާއިދުތައް ހަރުދަނާކުރައްވާފައެވެ. ރަނގަޅު މުޤައްރަރެއް ކަނޑައަޅުއްވައި، ރާއްޖެއަށް ބޭނުންތެރި މާއްދާތަކެއް ތަޢާރަފު ކުރައްވާފައެވެ. ކިޔަވައިދިނުން ގަޑިތަކަކަށް ބައްސަވާފައެވެ. މިއަދު ރާއްޖޭގެ އިސްކޫލު މަދަރުސާތައް ހިންގަމުން މި އަންނަނީ، އެ މަނިކުފާނު އެ ދުވަހު އެޅުއްވި ހަރުދަނާ ބިންގަލުގެ މަތީގައެވެ.
މީގެއިތުރުން ވެސް އަމީން ވަނީ، ތަޢުލީމު ކުރިއަރުވައި ފުޅާކުރެއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. ކުރީގައި ތައުލީމް ހާސިލުކުރުމުގެ ނަސީބު ލިބިފައި އޮންނަނީ ހަމައެކަނި ފިރިހެންކުދީންނަށެވެ. އަންހެން ކުދީންނަކަށް އެ ފުރުސަތެއް ނޯވެއެވެ. ކަން މިހެން އޮއްވާ އެ ފުރުސަތު ތަނަވަސްކޮށްދެއްވީ އަމީން ދީދީއެވެ. ކަށިމާ އަހުމަދު ޝާކިރު (އނ) ވިދާޅުވާގޮތުގައި ރާއްޖޭގައި އަންހެން ކުދީންނަށް މަދަރުސާތަކަށް ގޮސް ކިޔެވުމުގެ ފުރުޞަތު ލިބުނީ، އަމީން ދީދީ، ވަޒީރުންގެ މަޖުލީހުގައި ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވައިގެންނެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި، ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް ޤުރުއާން ކިޔެވުމާއި އަރަބި ތާނަ ލިޔާން ކިޔާން ދަސްކުރުން ލާޒިމުވެފައިވާއިރު، އެ ފުރުސަތު އަންހެން ކުދީނަށް ފަހިކޮށްދޭން ޖެހޭނެކަމަށް އެ މަނިކުފާނު ވަނީ ހަރުއަޑުން ވިދާޅުވެފައެވެ. ނަތީޖާއަކަށްވީ، މަދަރުސަތުއްސަނިއްޔާގައި އަންހެން ކުދީންނަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެން ދިޔުމެވެ.
ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ ތަނަކަށް ހަމައެކަނި މާލެ އޮތުމަކީ، އެންމެ އެދެވޭ އަދި ކަމުދާ ގޮތެއް ނޫންކަމަށް އަމީން ދީދީ ދެކެވަޑައިގަތެވެ. އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަޢުލީމުގެ އަލިކަން ފެތުރުމުގެ މަސައްކަތް ފެއްޓެވި ބޭފުޅަކީ ވެސް އަލްއަމީރު މުޙައްމަދު އަމީން ދީދީއެވެ. ކަށިމާ އަހުމަދު ޝާކިރު (އނ) ހާމަކުރައްވާގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެ ކުދިން މާލެ ގެންނަވައި، ސަރުކާރުން ޚަރަދުކުރައްވައިގެން، އެކުދީންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފެއްޓެވީ މުޙައްމަދު އަމީނެވެ. އެގޮތުން ދާރުލް އިޤާމާގައި އެ ކުދިން ބައިތިއްބައިގެން ކިޔަވައިދޭން ފެއްޓެވިއެވެ. އަދި ކޮންމެ ރަށަކުން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު، ޚާއްޞަ ކުދީންގެ ގޮތުގައި މާލެ ގެންނަވައި، ކިޔަވައިދެއްވިއެވެ. އަދި ރަށްރަށުގައި މަކުތަބުތަކާއި މަދަރުސާތައް ހުޅުވައި ކިޔަވައިދެއްވާން ފެއްޓެވިއެވެ. އެހެންކަމުން ތައުލީމީ ރޮނގުން މިއަދު މި ޤައުމު ހޯދާފައިވާ އަރުތައަކީ، ޤައުމުދެކެ ލޯބިވާ، ގައުމަށް ހެޔޮއެދޭ އެތައް ދަރީންނެއް ތައުލީމު ކުރިއަރުވައި ފުޅާކުރެއްވުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކެއްގެ ނަތީޖާކަމާމެދަކު ޝައްކެއް ނެތެވެ.
ތަރައްޤީ
ޤައުމުގެ ދަރިއެއްގެ ހިތުގައި ޤައުމީ ލޯބި އަށަގެންފި ނަމަ، އެ ޤައުމަށް ދިރުންލިބިގެންދާ މިންވަރު، ބޮޑުތަކުރުފާނުގެ ވެރިކަމުގެ 12 ވަރަކަށް އަހަރުގެ ޚިދުމަތްތަކުން ވަރަށް ރަނގަޅަށް ފެންނާން އެބަ ހުއްޓެވެ. ޕޯޗުގީޒުންގެ ދިގު އަޅުވެތިކަމަށްފަހު، ރާއްޖެއަށް މިނިވަންކަން ލިބި، ބޮޑުތަކުރުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ހާލަތު އޮތީ، ހުރިހައި ގޮތަކުން ވެސް ބޮއްސުންލާފައެވެ. މުޙައްމަދު އިބުރާހީމް ލުތުފީ (2006) ބަޔާންކުރައްވާ ގޮތުގައި، ބޮޑުތަކުރުފާނުގެ ރަސްކަމުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކަންކޮޅުތައް ހަމައަކަށް އަޅުއްވައި، ސުލްޙަމަސަލަސްކަން ޤާއިމުކުރެއްވިއެވެ. އިސްލާމީ ބިންގާ ހަރުދަނާކުރައްވައި، އަދުލު އިންސާފުގެ ދާއިރާ ހަމަ މަގަށް އެޅުއްވިއެވެ. އިޤުތިޞާދީ ދާއިރާއާއި ތަޢުލީމީ ދާއިރާ ކުރިއެރުވޭނެ މަގުތައް ކޮށްޓަވައި، ޢުމްރާނީ ތަރައްޤީއަށް މަސައްކަތް ފެއްޓެވިއެވެ. މީގެއިތުރުން ޤައުމުގެ ދިފާޢީ ނިޒާމު ހަރުދަނާ ކުރެއްވުން ފަދަ އެތައް ކަމެއް ވަނީ ކުރައްވާފައެވެ. ފައިސާގެ މުޢާމަލާތް ކުރުމަށް ގެންގުޅުނު ބޮލީގެ ބަދަލުގައި، ދިގުލާރި ތަޢާރަފު ކުރައްވައި، ތާނަ އަކުރު ތަޢާރަފުކުރެއްވީ ވެސް ބޮޑުތަކުރުފާނު ކަމަށް، ބައެއް މުއައްރިޚުން ވިދާޅުވާކަމަށް މުޙައްމަދު އިބުރާހީމް ލުތުފީ (2006) ވިދާޅުވެފައި ވެއެވެ. އަލްޣާޒީ ހަސަންތާޖުއްދީނާ ހަވާލާދެއްވައި، މުޙައްމަދު އިބުރާހީމް ލުތުފީ (2006) ވިދާޅުވަނީ، ބޮޑު ތަކުރުފާނުގެ ރަސްކަމުގައި ރައްޔިތުން ހޭދަކުރީ، ތަނަވަސްކަމާއި ބާއްޖަވެރިކަމުގެ ތެރޭގައި، އަނިޔާވެރިކަމުން އެއްކިބާވެފައިވާ އުފާވެރި ދިރިއުޅުމެއް ކަމަށެވެ.
1621 އިން 1648 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި، އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން- 1 (ބޮޑުރަސްގެފާނު) އަކީ، ޤައުމީ ލޯބި، އެ ބޭފުޅެއްގެ ހިތްޕުޅުގައި ވަރަށް މަތީ ދަރަޖައަކަށް އުފެދުނު ބޭފުޅެއްކަން ދިވެހިތާރީޚު ހެކިދެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އެ ރަދުން ކުރެއްވި އަގުނުކުރެވޭ ފަދަ މަތިވެރި ޚިދުމަތްތަކެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަކުރާ ގޮތުގައި ބޮޑުރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، ހަލާކުވެފައިވާ ރަސްކަމުގެ ކޮއިލު އަލުން ބިނާކުރެއްވިއެވެ. އަދ ކޮއިލު ވަށައިގެން ފާރުލައްވައި، ބަޑިދޮރު ކެނޑުއްވިއެވެ. އެއަށްފަހު ފާރުގެ ބޭރުން ކަންޒު ކޮންނަވައި، ކޮއިލުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެއްވިއެވެ. ދިވެހިތާރީޚު (1993) ގައި ބަޔާންކޮށްފައިވާ ގޮތުގައި ބޮޑުރަސްގެފާނުގެ ރަސްކަމުގައި، މާލޭގެ ދިފާޢީ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން، ރަސްކަމުގެ ކޮއިލާ ގުޅިގެންވާ ހިސާބުގައި ބޮޑުކޯއްޓޭ ބިނާކުރައްވައި، ބުރުޒު ހެއްދެވިއެވެ. އަދި ކޮންމެ ދެ ބުރުޒެއްގެ ދެމެދުގައި ފާރުލައްވައި، ފާރުގައި ވެސް ބަޑިދޮރު ކެނޑުއްވިއެވެ. އަދި ރަށް ވަށައި ތޮށިލައްވައި، އޮޑިފަހަރަށް ވަދެ ނިކުމެވޭނޭހެން ނެރު ކެނޑުއްވިއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަކުރާ ގޮތުގައި، އަސޭކަރައިން ބައްލަވައިގެންނެވި ރަތުލޯ ބަޑީގެ ސާދަ ބަޑިއާއި ރާއްޖެއަށް އުރުނު އެކިއެކި ނައުފަހަރުން ލިބިވަޑައިގެންފައި ހުރި ބަޑިތައް ބޭނުންފުޅު ކުރައްވައިގެން، އެ ޒަމާނާ އެކަށީގެންވާ މިންވަރަށް، މާލޭގެ ދިފަޢީ ނިޒާމު ވަރުގަދަކުރެއްވިއެވެ. ބޮޑުރަސްގެފާނަކީ، ދިވެހިރާއްޖެ މިނިވަންކަމަތީ ދެމެހެއްޓުމަށް ދުޝްމިނުންނާ ހަނގުރާމަކުރައްވައި ރާއްޖެއަށް ނަސްރު ހޯއްދަވައިދެއްވި ރަސްކަލެކެވެ. އެ ރަދުން ކުރެއްވި މަތިވެރި ޖިހާދަށް ޓަކައި އެއީ ޤައުމީ ބަޠަލެއްގެ ގޮތުގައި ދިވެހިތާރީޚުގައި ވަނީ ފާހަގަކޮށްފައެވެ. އެހެކަމުން ބޮޑުރަސްގެފާނުގެ ހިތްޕުޅުގައި ޖަހަމުން ދިޔަ ޤައުމީ ލޯބީގެ ވިންދުގެ ސަބަބުން ޤައުމުގެ ދިފާޢީ ނިޒާމަށް ލިބިފައި މިވަނީ ކޮންފަދަ މަތިވެރި ކުރިއެރުމެއްތޯއެވެ.
އެހެނިހެން ޚިދުމަތްތައް
ދެ ވަނަ ބޮޑުހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވި ތަދުމަޑުކަމަކީ، ދިވެހި ތާރީޚުގައި ދިވެހީންނަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއް ކާރިސާއެވެ. މި ތަދުމަޑުކަމާ ގުޅިގެން ދިވެހި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މުޙައްމަދު އަމީން (2005) ހާމަކުރައްވާ ގޮތުގައި އޭރު ދިވެހި ދައުލަތް ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އަލްއަމީރު ޙަސަން ފަރީދުދީދީއެވެ. ދިވެހި ސަރުކާރުން އެ ދުވަސްވަރު އޭނާއަށް ޗުއްޓީއެއް އެރުވުމުން، ޗުއްޓީގައި ހުންނަވައިގެން ވެސް، އޭނާ މަސައްކަތް ކުރެއްވީ ދިވެހިދަރީންގެ ޙައްޤުގައެވެ. ދިވެހި ރެޕްރެޒެންޓެޓިވްއެއްގެ ގޮތުގައި ކޮޅުނބަށް ވަޑައިގަތީއްސުރެ، އޭނާ ކުރެއްވި އެންމެ ބޮޑު މަސައްކަތަކީ، ދިވެހިރާއްޖޭގެ ރައްޔިތުން ބަނޑަށްޖެހުމުން ސަލާމަތްކުރެއްވުމަށް ޓަކައި، ރާއްޖެއަށް ކާބޯތަކެތި ފޮނުއްވޭތޯ ބެއްލެވުމެވެ. ރާއްޖޭގެ މަހުގެ އަގު، ކަރައިގައި ބޮޑުކުރެވޭތޯ މަސައްކަތް ކުރެއްވުމެވެ. އިބުރާހީމް ޝިހާބު (1994) ވިދާޅުވާގޮތުގައި، ހަނގުރާމައިގެ ދުވަސްވަރު، މި ހިސާބުގެ ކަނޑުތައް އިންތިހާއަށް ނުރައްކާތެރިވެފައި އޮއްވައި، ހަސަން ފަރީދުދީދީ ދިވެހި ޤައުމުގެ ޚިދުމަތުގައި ދަތުރުތައް ކުރައްވަމުން ގެންދެވީ، ހަށިކޮޅަށް ފުރާނަފުޅަށް ބިރުފުޅެއް ނެތިއެވެ. މުހައްމަދު އަމީނު (2005) އާ ހަވާލާދެއްވައި އިބުރާހީމް ޝިހާބު (1994) ވިދާޅުވަނީ، ހަސަން ފަރީދުދީދީ ދައުލަތާއި ރައްޔިތުންނަށް ޓަކައި ކުރައްވަމުން ގެންދަވަނީ މަތިވެރި ޚިދުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި ޚިދުމަތްކަމަށެވެ. ރެއެއް ދުވާލެއް ގެއެއް ދޮރެއް ނެތި، އިންސާނަކަށް އެކަށީގެންވާ އެންމެ މަތީ ދަރަޖައަށް ކަމަށެވެ. ހަސަންފަރީދުދީދީގެ އެ މަސައްކަތްޕުޅުގެ ނަތީޖާ ކިތަންމެހައި ވެސް ފޮންޏެވެ. ރާއްޖޭގެ ކޮންމެ މީހަކަށް، އިރަކަށް ލާއްސަކާއި ލާއްސެއްގެ އަށްބައިކުޅަ އެއްބައި ދޫކުރަން އިނގިރޭސިން އެ ދުވަސްވަރު ނިންމި ކަމަށް މުހައްމަދު އަމީނު (2005) ވިދާޅުވިއެވެ. ދިވެހި ރައްޔިތުންގެ ޙައްޤުގައި އޭނާ ވެވަޑައިގެންނެވި މި ފަދަ ބޮޑެތި ޤުރުބާނީން ފެންނަނީ، ޤައުމަށް ޓަކައި އޭނާގެ ހިތްޕުޅުގައި އުފެދިފައި އޮތް މަތިވެރި ލޯތްބެވެ. އެ ލޯބީގެ ސަބަބުން، ބަނޑަށް ޖެހި، ކައި އެތިކޮޅަކަށް އެދިއެދި ތިބި ދިވެހީންގެ ހައިހޫނުކަމަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.
ސާހިބުއްދައުލާ ސުމުއްވުލް އަމީރު އިބުރާހީމް ނާސިރުގެ ޒަޢާމަތުގައި ދިވެހިރާއްޖެއަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ. ބޭރުދުނިޔެއަށް ދިވެހިރާއްޖެ ހުޅުވިގެން ދިޔައީ ހީވެސްނުކުރާހައި ހަލުއި މިނެއްގައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އދ. މަޖިލީސްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމެވެ. ނަސީމާ މުޙައްމަދު (2013) ހާމަކުރައްވާ ގޮތުގައި، ދިވެހިރާއްޖެ އދ. ގެ ޗާޓަރ ޤަބޫލުކުރާ ކަމަށް ވިދާޅުވެ، 26 އޮގަސްޓު 1965 ގައި އދ. ގެ ސެކެރެޓަރީ ޖެނެރަލަށް އިބުރާހީމް ނާސިރު ސިޓީފުޅެއް ފޮނުއްވިއެވެ. އެ ސިޓީއާ ގުޅިގެން 21 ސެޕުޓެންބަރު 1965 ގައި އދ. ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅައި، 22 ސެޕުޓެންބަރު 1965 ގައި އދ ގެ ޖެނެރަލް އެސެންބުލީއިން، ދިވެހިރާއްޖެއަކީ އދ. ގެ މެންބަރެއްގެ ގޮތުގައި ކަނޑައެޅިއެވެ. ކަށިމާ އަޙުމަދު ޝާކިރު (2015) ހާމަކުރައްވާގޮތުގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ، ދެމަހާއި ދުވަސްކޮޅެއްވީތަނާ ދިވެހިރާއްޖޭގެ ފަޚުރުވެރި ދިދަ އދ. ގެ ރަސްމީ ޢިމާރާތުގައި އުފުލައިލެވިއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ނިސްބަތުން ބަލާއިރު، ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޤައުމަކަށް ލިބުނު މިއީ ކޮންފަދަ ބޮޑު އުފަލެއްތޯއެވެ. ކޮން ފަދަ ބޮޑު ކުރިއެރުމެއްތޯއެވެ. ދިވެހި ދަރިއެއްގެ ހިތުގައި ޤައުމީލޯބި އުފެދިފައި އޮތްކަމުގެ ކިހައި މަތިވެރި ހެއްކެއްތޯއެވެ.
އިބުރާހީމް ނާސިރުގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ލިބިގެންދިޔަ ތަރައްޤީއަކީ ވެސް މި މަޢުޟޫއަށް އިންސާފުކުރާއިރު ދޫކޮށްލެވޭން އޮތް މަޢުޟޫއެއް ނޫނެވެ. ދިވެހީންގެ މިނިވަންކަމަށް ޓަކައި އިނގިރޭސި ދައުލަތާ ދެކޮޅަށް ދިވެހި ދައުލަތުން ކުރަމުން ގެންދިޔަ ވަރުގަދަ ޖިހާދުގެ ދުވަސްވަރު، އަމިއްލަ ވައިގެ ބަނދަރެއްގެ މަސައްކަތް ދިވެހީން ވަނީ ފަށާފައެވެ. މިއީ ހިލޭސާބަހަށް، ފޯރިއާއި ޖޯޝާއެކު، ދިވެހި، އަންހެން ފިރިހެން އެތައް ބަޔަކު، އަމިއްލަ މަސައްކަތެއް ކަމަށް ދެކިގެން، ވަރަށް ހަލުއިކަމާއެކު ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ނަސީމާ މުޙައްމަދު (2013) ވިދާޅުވާގޮތުގައި ވައިގެ ބަނދަރުގެ މަސައްކަތަކީ، ވަޒީރުލް އަޢުޒަމް އިބުރާހީމް ނާސިރުގެ ބެއްލެވުމުގެ ދަށުން ކުރެވެމުން ދިޔަ ބޮޑު މަސައްކަތެކެވެ. މި މަސައްކަތަށް ދިވެހީން ފޯރިއާއި ޖޯޝު ގެންނެވުމަށް ޓަކައި ތަފާތު ކަންކަން ރާވައި، އެކަމަށް ޝައުޤުވެރި ކުރުވުމުގައި އިބުރާހީމް ނާސިރުގެ ހިކުމަތު ޢަމަލީ ވަނީ ބޭނުން ކުރައްވާފައެވެ. ނަސީމާ މުޙައްމަދު (2013) ހާމަކުރައްވާ ގޮތުގައި މަސައްކަތް ފެށިފަހުން މަސައްކަތް ކުރާ ގުރޫޕުތަކަށް އިނާމްލިބޭ އުސޫލުތަކެއް ހަމަޖެހުނެވެ. މި ކަމަށް ދޭތެރެދޭތެރެއިން ބަދަލު ވެސް ގެނެއެވެ. މަސައްކަތް ކުރާ މީހުންގެ ޝައުޤުވެރިކަން އިތުރުވާ ކަހަލަ ހެޔޮ ބަދަލުތަކެވެ. 1 މެއި 1964 ގައި ފެށި ވައިގެ ބަނދަރުގެ މަސައްކަތް، 12 އޭޕްރީލް 1966 ގައި މުޅިން ނިންމާ ފުރަތަމަ ފުލައިޓް ޖެއްސިއެވެ. އާދޭހެވެ! ދިވެހިރާއްޖޭގެ ފުރަތަމަ ވައިގެ ބަނދަރު ހުޅުވުނީ އިބުރާހީމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. މިއީ ޤައުގެ ތަރައްޤީއަށް އެޅުނު ވަރަށް ވެސް ހަރުދަނާ، އެހައިމެ މުހިންމު ފިޔަވަޅެކެވެ.
ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުމުގެ ކުރީގައި (1857 ވަނަ އަހަރުން ފެށިގެން) ދިވެހިރާއްޖޭގެ ވިޔަފާރިއަކީ އަވައްޓަރި އިންޑިޔާއިން އައިސް އުޅުނު ވޯރާއިންގެ ބާރުގެ ދަށުގައި އޮތް ކަމެކެވެ. ކަށިމާ އަހުމަދު ޝާކިރު (2015) ވިދާޅުވެފައިވަނީ އޭރު ދިވެހީންނަށް ތިބެވުނީ، ވޯރާ ވިޔަފާރިވެރިން ބުނީމާ ބުނިގޮތެއް ނުހަދައި ނުވާ ވަރަށް އެ މީހުންގެ އަތްދަށުވެފައެވެ. މި ހާލަތުގައި މި ކަން އޮއްވާ، ދިވެހީންގެ ވިޔަފާރި ދިވެހީންގެ އަތް މައްޗަށް ނެގެސްދެއްވި ބޭފުޅަކީ، ސުމުއްވުލް އަމީރު އިބުރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ މާކުރީން، ވޯރާ ވިޔަފާރިން ރާއްޖެއިން ފޮނުވައި ލެއްވުމުގެ މަސައްކަތްޕުޅު ނާސިރު ވަނީ ފައްޓަވާފައެވެ. އެގޮތުން އެ ބައިމީހުންނަށް ދަތިކުރައްވަމުން ވިޔަފާރި ހަނިކުރައްވަމުން ގެންދެވިއެވެ. ކަށިމާ އަހުމަދު ޝާކިރު (2015) ވިދާޅުވާގޮތުން، ވޯރާއިންނަށް ދިވެހި ސަރުކާރުން ތަފާތު ގޮތްގޮތުން، އެކި ކަހަލަ ފިއްތުންތައް ފިއްތަން ފެށުމުން، މާ ގިނަ ދުވަސްތަކެއް ނުވެ، ވޯރާ ވިޔަފާރިވެރީން ދިވެހިރާއްޖެ ދޫކޮށް 1962 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފުރަން ފަށައިފިއެވެ. އެހެންނަމަވެސް އެ މީހުންގެ ބާރު މުޅިން ފިލައި، ދިޔައީ ރާއްޖެއަށް މިނވަންކަން ލިބުނު ފަހުންނެވެ. ނާސިރު ޙިކުމަތްތެރި ރޭއްވެވުމާއި އެޅުއްވި ހަރުދަނާ ފިޔަވަޅުގެ ސަބަބުން ދިވެހީންގެ ވިޔަފާރި ދިވެހީންނަށް މިނިވަންކަމާއެކު ލިބުނެވެ.
ނިންމުން
ޝައްކެއް ނެތެވެ. ޤައުމެއް އެ ގައުމުގެ ގޮތުގައި ދިރިދެމި އޮންނާނީ، އެ ޤައުމެއްގެ ދަރިންގެ ހިތުގައި ޤައުމީ ލޯބި އެންމެ ފުރިހަމައަށް އަށަގެންފައި އޮވެގެންނެވެ. މި ލޯބި އެ ހިތްތަކުން ފިލައި ހިނގައްޖެ ނަމަ، އެ ޤައުމަކަށް ކުރިމަތިވާނީ، ވޭނާއި ހިތާމައިގެ ދުވަސްތަކެކެވެ. އެކަން މި ކުޑަކުޑަ ދިވެހިރާއްޖެ ވެސް މި ވަނީ، ކޮންމެވެސް ވަރަކަށް ތަޖުރިބާ ކޮށްފައެވެ. އެހެންނަމަވެސް އެއަށްވުރެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބެނީ، ޤައުމުދެކެ ނިހާޔަތަށް ލޯބިވާ، ޤައުމަށް ޓަކައި ޤުރުބާންވި ދަރީންތަކެއް، މި ޤައުމަށް އުފަންވެފައި ވާތީއެވެ. އެކަމުގެ ރިވެތި މިސާލުތައް ދިވެހިތާރީޚުގެ ފަތްފުށްތަކުން ފެންނާން އެބަ ހުއްޓެވެ. ބުދުދީނުގެ އަހުލުވެރީންގެ ގޮތުގައި ތިބި ދިވެހީންނަށް، އިސްލާމްދީނުގެ މަތިވެރި ނިއުމަތް ހޯއްދަވައިދެއްވުމުގައި، ދިވެހި ދަރީން ކުރެއްވި ބުރަ މަސައްކަތްޕުޅެވެ. މިނިވަންކަމުގެ ފޮނި ރަހައިގެ ބަދަލުގައި، އަޅުވެތިކަމުގެ ހިތި ކޯވަރުތައް ދިރުވަމުން ދިޔަ ދިވެހި އުއްމަތަށް، މިނިވަންކަމުގެ ފޮނި މީރުކަން ހޯއްދަވައިދެއްވުމަށް ދިވެހި އަބުޠާލުން ކޮށްދެއްވި އަގުނުކުރެވޭ ފަދަ މަސައްކަތްޕުޅުތަކެވެ. ތަޢުލީމީ ދަންމަރުގެ ރިހި އަލިން ޤައުމު ހުޅުދާންކޮށްދެއްވުމަށް ޓަކައި ގައުމުގެ ހުންގާނުގައި ތިއްބެވި އާރުކާޓީން ކުރެއްވި ހީވާގި މަސައްކަތްޕުޅެވެ. އަދި ޤައުމުގެ ތަރައްޤީއަށާއި އެހެނިހެން ރޮނގުރޮނގުން އެކިއެކި ބޭބޭފުޅުން، އަމިއްލަ އެދުންފުޅެއް ނެތި، ކޮށްދެއްވި މަސައްކަތްޕުޅުތަކެވެ. މިއިން ކޮންމެ ޚިދުމަތަކީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ޓަކައި، އެ ބޭބޭފުޅުން ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކެވެ. ޤައުމަށް ޓަކައި، ޤައުމު ދެކެ އެ ބޭފުޅުން ވެވަޑައިގަންނަވާ މަތިވެރި ލޯބީގެ މަތިވެރިކަމުގެ ސަބަބުން ކުރައްވާ އަގުނުކުރެވޭ ފަދަ މަސައްކަތްޕުޅުތަކެވެ. އާދޭހެވެ! ޤައުމެއް ދިރިދެމި އޮންނާނީ، ޤައުމީ ލޯބިން ފުރާނަ އެޅިގެންކަމާމެދު ދެބަސްވެވޭނެ ޖާގައެއް ނެތެވެ.
ނިމުނީ
ރެފަރެންސް
ހަސަން އަޙުމަދު މަނިކު. (1981). އަލިރަސްގެފާނު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖުލިސް.
ޙަބީބާ ހުސެން ޙަބީބު. (2003). މާއްދާގެ ކިޔުންތައް. މާލެ: މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
ހުސެން ޙަލީމް. (2013). ޝަހީދު ޙުސައިން އާދަމް- ޖީލުގެ ބަޠަލް. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް ޕވޓލޑ.
ނޭޝަނަލް އިންސްޓީޓިއުޓް އޮފް އެޑިޔުކޭޝަން. (2014). ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު. މާލެ: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން.
ނަސީމާ މުޙައްމަދު. (2013). މިނިވަން ދިވެހިރާއްޖެ. މާލެ: ދިވެހިބަހުގެ އެކެޑަމީ.
ނަސީމާ މުޙައްމަދު. (2003). ލޯމާފާނު. ފަތްތޫރަ 287، 18-22.
ކަށިމާ އަޙުމަދު ޝާކިރު. (2009). ވިހި ވަނަ ޤަރުނުގެ ހަތަރު ރަސްކަލުން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ކަށިމާ އަޙުމަދު ޝާކިރު. (2017). އިސްލާމްދީނުގެ އަލިގަދަ ނޫރު ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފެތުރެމުން އައިގޮތް. މާލެ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް.
ކަށިމާ އަހުމަދު ޝާކިރު. (2015). މިނިވަން ފަންސާސް. މާލެ: މިނިސްޓްރީ އޮފް ހޯމް އެފެއާޒް.
އިބުރާހީމް ޝިހާބު. (1994). ޝިހާބުގެ މަޒުމޫނުތައް 4. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖުލިސް.
އިބުރާހީމް ބުން އިސްމާޢީލް. (2003). ބޮޑުތަކުރުފާނު ވާހަކަ (ބުރާރު މުޙައްމަދުފުޅު ކިޔާގޮތަށް). މާލެ: ނޮވެލްޓީ ޕްރެސް.
އަޙުމަދު ޙަމީދު ފަހުމީ. (1988). ކެޕްޓަން ދޮންހަސަން މަނިކުފާނު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު އަމީނު. (2002). ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު. މާލެ: ނޮވެލްޓީ ޕްރެސް.
މުޙައްމަދު އަމީނު. (1993). އަމީނުގެ މަޒުމޫނުތައް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު އަމީނު. (2005). ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި. މާލެ: ނޮވެލްޓީ ޕްރެސް.
މުޙައްމަދު އިބުރާހީމް ލުޠުފީ. (2006). އުތީމު ދަރިކޮޅުގެ ރަސްކަން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު އިބުރާހީމް ލުޠުފީ. (1997). މުޚުތަޞަރު ތާރީޚު ދީބާމަޙަލް. މާލެ: ދިވެހިބަހާއި ތާރީޚާބެހޭ މަރުކަޒު.
މުޙައްމަދު ޝާޠިރު. (2000). ނިމުނު ސާސްކަފާއި ނިމުނު ސައްތައިގައި ދިވެހިރާއްޖެ. ފުރަދާނަ ޖަނަވަރީ 2000، 10-37.
ދިވެހިބަހާއި ތާރީޚާބެހޭ މަރުކަޒު. (1999). ދިވެހިންނާއި ޕޯޗުގީޒުން 1،2،3. މާލެ: ދިވެހިބަހާއި ތާރީޚާބެހޭ މަރުކަޒު.
ދިވެހިބަހާއި ތާރީޚާބެހޭ މަރުކަޒު. (2007). އައްސުލްޠާނު މުޙައްމަދު އިމާދުއްދީން 1 މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1993). ދިވެހި ތާރޚު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
Be the first to comment