ހުރުމަތްތެރި ތަނެއް

ދާދިފަހުގެ ދުވަހެކެވެ. ވަގުތަކީ އަސުރުގެ ވަގުތެވެ. އަޅުގަނޑު ހުރީ އަސުރުނަމާދު ކުރުމަށް ޓަކައި މިސްކިތުގައެވެ. އަޅުގަނޑެކޭ އެއްފަދައިން އެތައް ބަޔަކު އަޅުކަމުގައި މިސްކިތުގައި ތިއްބެވެ. ކުއްލިއަކަށް މިސްކިތުތެތޭގައި ގުގުމައިލީ، ރީތި ރާގަކަށް ކިޔަމުން ދިޔަ ހިންދީ ލަވައެއްގެ އަޑެވެ. އަޅުގަނޑު ހީކުރީ މިސްކިތުތެރޭގައި އިން މީހެއްގެ ފޯނުން އައި އަޑެއް ކަމަށެވެ. ރިންގް ޓޯނެއްގެ އަޑު ކަމަށެވެ. އެ ލަވައިގެ ސަބަބުން ނަމާދު ކުރަން އުނދަގޫވިއެވެ. އަޅުގަނޑެކޭ އެއްފަދައިން އެހެން މީހުންނަށް ވެސް މި އުނދަގޫ ވާނޭކަން ކަށަވަރެވެ.

ނަމާދުކޮށް ނިމުނު އިރު ވެސް އެ ލަވައެއްގެ އަޑު މިސްކިތުގެ ތެރޭގައި ގުގުމާފައި ހުއްޓެވެ. އެހެންނަމަވެސް އެ ލަވައިގެ އަޑު އަންނަނީ މިސްކިތުތެރެއަކުން ނޫނެވެ. މިސްކިތުން ބޭރުންނެވެ. ފަހަރެއްގައި މިސްކިތް ކައިރީގައި ހުރި ގެއަކުން ޖަހާ ލަވައަކަށް ވެދާނެއެވެ. ނޫނީ މިސްކިތް ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއް ފަދަ އެއްޗަކުން އަންނަ އަޑަކަށް ވެސް ވެދާނެއެވެ. ކޮންމެ ތަނަކުން އަންނަ އަޑަކަށްވީ ނަމަވެސް، އެއީ ނަމާދު ވަގުތުގައި މިސްކިތެއްގެ ކައިރީގައި ކުރާން ރަނގަޅުކަމެއް ނޫނެވެ. މިސްކިތަކީ އަޅުކަމުގެ މައިދާނެކެވެ. ﷲއަށް ކުއްތަންވުމަށް ޚާއްޞަކުރެވިފައިވާ ތަނެކެވެ. އަޅުކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް މިސްކިތުގައި ވެސް، މިސްކިތުން ބޭރުގައި ވެސް ކުރުމަކީ، ރަނގަޅު ކަމެއް ނޫނެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ދިވެހިންނަކީ މުސްލިމުންނެވެ. އެހެންކަމުން ކޮންމެ ހާލަތެއްގައި ވެސް، ކޮންމެ ތަނެއްގައި ވެސް، ދިވެހިންގެ ބަހާއި ޢަމަލު ހުންނާންވާނީ، މުސްލިމުންގެ ބަހާއި ޢަމަލު ހުންނާންވާ ގޮތަށެވެ. މިސްކިތްތަކުންނާއި އެހެނިހެން ތަންތަނުން ވެސް މި ކަން ފެންނާން ވާނީ އެ ގޮތަށެވެ. އެހެންނަމަވެސް މަދު ބައެއް ދިވެހިންގެ ކިބައިން މި ކަން ފެންނަނީ، މުޅިން ތަފާތުކޮށެވެ.

މިސްކިތުގެ ހުރުމަތްކެނޑޭ ފަދަ އެތައް ކަމެއް މިއަދު ބައެއް ދިވެހިން ކުރަމުން ގެންދެއެވެ. މިސްކިތުގައި ހުންނަ ތަކެއްޗާއި މިސްކިތަށް އަރާ މީހުންގެ ފައިވާނާއި ބޫޓު ފަދަ ތަކެތި ވަގަށްނަގައެވެ. މިސްކިތުގެ ތަންތަނަށާއި ފާޚާނާތަކަށް ގެއްލުންދީ، އެ ތަންތަން ހަޑިކުރެއެވެ. ފާޚާނާތަކުގައި ހުތުރު ބަހުން ފަޑުފާޑުގެ ލިޔުންތައް ލިޔެ، ކުރަހާ ހަދައެވެ. މުޑުދާރުކޮށް ތިބެ މިސްކިތަށް އަރައި، މިސްކިތުގައި ނިދައި، މިސްކިތުގޯތިތެރެއަށާއި މިސްކިތުތެރެއަށް ކުޑަކަމު ދިޔުން ފަދަ ކަންކަން ކުރެއެވެ. އަދި ކޮބައިތޯއެވެ! މިސްކިތުތެރޭގައި މަސްތުވާތަކެތި ވެސް ބޭނުންކުރެއެވެ. ﷲގެ ގެކޮޅުގައި މި ކުރަނީ ކޮންފަދަ ބޮޑެތި ފާފަތަކެއް ހެއްޔެވެ؟ މި ފަދަ ކޮންމެ ކަމަކީ އެކަންކަމުގެ ސަބަބުން ފާފަވެރިވާނޭ ކަންކަމެވެ.

އެއް ދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގައި އިޢުތިކާފަށް އިންނަވަނިކޮށް، ބަޔަކު މީހުން އަޑުހަރުކޮށް ގުރުއާން ކިޔަވާ އަޑު އެކަލޭގެފާނަށް އިވިވަޑައިގަތުމުން، ފަރުދާ ކަޝްފުކުރައްވާފައި ޙަދީޘް ކުރެއްވީ ކީކޭކަމަށްތޯއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވީ، ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މުނާޖާ ދަންނަވާ މީހެކެވެ. އެހެންކަމުން ތިޔަބައިމީހުން އެކަކު އަނެކަކަށް އުނދަގޫ ނުކުރާށެވެ! އަދި އެކަކު އަނެކަކަށް ވުރެ އަޑުހަރުކޮށް ޤުރުއާން ކިޔަވާ ނުހަދާށެވެ!

މި ހަދީސުން އެނގެނީ އެހެން މީހުންނަށް އުނދަގޫ ވާވަރަށް ބާރަށް މިސްކިތުގައި ގުރުއާން ކިޔެވުމަކީ ވެސް ރަނގަޅުކަމެއް ނޫންކަމެވެ. ސަބަބަކީ ޚުޝޫޢަތްތެކަމާއެކު އަޅުކަމުގައި ތިބޭ މީހުންނަށް އެ ކަމުގެ ސަބަބުން އުނދަގުލެއް ވެދާނެތީއެވެ. މި ފަދައިން އޮތް ކަމެއްގައި، މިސްކިތުތެރޭގައި ބޮޑު ވާހަކަ ފަށައިގެން ތިބެ، ހީ ސަމާސާކުރާ މަންޒަރާއި ފޯނުން ބާރުބާރަށް ވާހަކަ ދައްކާތަން ވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. މި ފަދަ ވަގުތުތަކުގައި، ރަސޫލާގެ މި ހަދީޘްފުޅުގެ މަތިން ހަނދުމަކޮށްލަބަލާށެވެ. ކަމުގެ ބޮޑުކަން ވަޒަންކޮށްލެވޭނެއެވެ.

މިސްކިތަކީ މި ބިމުގައި ހުރި ﷲގެ ގެކޮޅެވެ. އެހެންކަމުން އަހަރެމެން މުސްލިމުން، މިސްކިތުގެ ހުރުމަތްކެނޑޭ ފަދަ އެއްވެސްކަމެއް ކޮށްގެންނުވާނެއެވެ. ކުރީ ދުވަހަކު މިސްކިތަކަށް ނަމާދަށް އެރިއިރު ފެނުނު މަންޒަރެއް ހިއްސާކޮށްލާނަމެވެ. ފެނުނީ ދެބައި އުމުރުގެ މީހަކު މިސްކިތުތެރޭގައި އޮށޯވެލައިގެން އޮތް މަންޒަރެވެ. އެއްއަރިއަކަށް ކަހަލަ ގޮތަކަށެވެ. އޭނާ އޮތީ ވަރަށް ރަނގަޅަށް ރަތްކޮށް ދުފާލައިގެންނެވެ. ހީވަނީ ހޮޓަލަކަށް ވަދެ، ސައިބޮއިގެން ނުވަތަ ކައިގެން އައިސް ބަނޑުދަމާލަން ޖައްސާލައިގެން އޮތް ހެންނެވެ. އޭނާ އޮތީ “ޓޫތުޕިކް”އަކުން ދަތްކޮށްޓާށެވެ. މި މަންޒަރު ބަލާކަށް ހިތަށް މާ ފަސޭހައެއް ނުވިއެވެ. މިސްކިތުން ފެންނާން އެންމެ އެދޭ ފަދަ މަންޒަރަކަށް ނުވީމައެވެ.

މި ފަދަ ކަންކަމާ ދުރުހެލިވެ، މިސްކިތަށް ދޭންޖެހޭ އިހުތިރާމާއި ޤަދަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދޭ މީހަކަށް ކޮންމެ މީހަކުވެސް ވަމާ ހިނގާށެވެ! ތިމާ ބުނާ ބަހަކުން ވިޔަސް، އަދި ޢަމަލަކުން ވިޔަސް، މިސްކިތުގެ ޤަދަރާއި ހުރުމަތް ކުޑަ ނުކުރާށެވެ! އެއީ ﷲގެ ގެކޮޅުކަން ހަނދާން ބަހައްޓާށެވެ! މި ކަންކަމަށް ވިސްނައިލެވޭ ނަމަ، ނަމާދަށް ހުންނަ މީހާއަށް އުނދަގޫވާ ގޮތަށް މިސްކިތުތެރެއިން ލަވައިގެ އަޑެއް ނީވޭނެއެވެ. އަދި މި ދެންނެވި ފަދަ ނޭދޭވޭ އެއްވެސް ކަމެއް މިސްކިތުގެ ތެރެއަކު ނުހިނގާނެއެވެ.

ނޯޓް: މިއީ 30 ނޮވެންބަރު 2021 ގައި ސަން އޮންލައިންގައި ޝާއިޢުކުރި ލިޔުމެކެވެ.

Be the first to comment

ޚިޔާލު