ލިޔުންތެރިކަމަކީ ފަންނެކެވެ. މި ފަންނުގެ ބޭނުން ހިފައިގެން، ވަރަށް ގިނަ ކަންކަން ފުއްދެއެވެ. މަޢުލޫމާތު ފޯރުކޮށްދެވެއެވެ. ކަންކަން ހިނގާނުހިނގާ ގޮތް ބުނެދެވެއެވެ. ތިމާގެ ހިތުގައި އުފެދޭ އިހުސާސްތަކާއި ޝުޢޫރުތައް ހާމަކުރެވެއެވެ. އުދާސްތައް ބަންޑުންކޮށްލެވެއެވެ. އަދި ވެސް އެތައް ކަމެއް މި ލިސްޓަށް އިތުރުކޮށްލެވިދާނެއެވެ. އެހެންނަމަވެސް ލިޔުންތެރިކަމުގެ ފަންނުގެ ބޭނުން ހިފައިގެން އެދެވޭ ގޮތުގައި މި ކަންކަން ޙާޞިލުވާނީ ވަރަށް ގިނަ ކަންކަމަށް ވިސްނައި، ސަމާލުވެގެންނެވެ. އޭގެތެރެއިން އެއް ކަމަކީ، ތިމާ ބުނަން ބޭނުންވާ ވާހަކައާއި ފާޅުކުރަން ބޭނުންވާ ޝުޢޫރު، ބޭނުންވާ ގޮތަށް އަނެކާއަށް ދޭހަވާނޭހެން ލިޔުމެވެ.
ލިޔުމެއް ލިޔުމަށް ޓަކައި ޚިޔާލެއް އުފަންކުރުމަށްފަހު، ލިޔުންތެރިން ފުރަތަމަ އަތް ދިއްކޮށްލަނީ ލަފުޒުތަކުގެ ކީސާއާ ދިމާއަށެވެ. ނުވަތަ ކޮށާރާ ދިމާއަށެވެ. އެ މީހަކު ފާޅުކުރަން ބޭނުންވާ ޝުޢޫރަކާ ގުޅޭ ލަފުޒުތައް ހޮވާލައިގެން ނެގުމަށް ޓަކައެވެ. އެއަށްފަހު އެ ލަފުޒުތައް ޖުމުލައެއްގެ ސިފައިގައި އަތުރާލަނީއެވެ. މި ގޮތަށް ލަފުޒުތައް އަތުރާލުމުގައި ތިމާ ބުނާން ބޭނުންވާ ވާހަކަ، ތިމާ ބޭނުންވާ ގޮތަށް ދޭހަވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ކަމަށް ސަމާލުކަން ނުވެވިއްޖެ ނަމަ، އަތުރާލި ލަފުޒުތަކުން މުޅިން އެހެން މާނައެއް ދޭހަވެދާނެއެވެ. ހާސަރެއްގެ ގޮތުގައި ވެސް އޮވެދާނެއެވެ. އެ ފަދަ ބައެއް މިސާލުތަކަށް ބަލައިލަމާ ހިނގާށެވެ!
“ދައުލަތުގެ ޚަރަދުގައި މަރުވި ދެމަފިރީންގެ ހަށިގަނޑު ފިލިޕީންސަށް ފޮނުވާލައިފިއެވެ.”
މި ޖުމުލައާ މެދު ވިސްނައިލަމާ ހިނގާށެވެ! މި ޖުމުލައިން ދޭހަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މަރުވެފައިވާ ދެމަފިރިއެއްގެ ހަށިގަނޑު ފިލިޕީންސަށް ފޮނުވާލައިފިކަން ދޭހަވެއެވެ. ޖުމުލައިގައި ބުނެފައިވާ ގޮތުން، އެ ދެމަފިރިން މަރުވީ ކޮން ގޮތަކަށްތޯއެވެ؟ އެ ދެމަފިރިން މަރުވީ ދައުލަތުގެ ޚަރަދުގައެވެ. އެއީ މި ޖުމުލައިގައި ލަފުޒުތައް އަތުރާފައި ހުރި ގޮތުން، މިހާރު ދޭހަވާ މާނައެވެ. އެހެންނަމަވެސް ލިޔުންތެރިޔާ ބުނެދޭން ބޭނުންވީ، ދައުލަތުގެ ޚަރަދުގައި ދެމަފިރިއަކު މަރުވި ވާހަކައެއް ނޫނެވެ. ދައުލަތުގެ ޚަރަދުގައި އެ ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސަށް ފޮނުވާލި ވާހަކައެވެ. ޖުމުލައިގައި ލަފުޒުތައް އެތުރި ތަރުތީބުކޮށްލިއިރު، ވިސްނާންޖެހޭ މިންވަރަށް ނުވިސްނުމުން، ނިކުތް މާނަ ތަފާތުވީއެވެ. އެހެންކަމުން މި ޖުމުލަ އޮންނަންވީ ރަނގަޅު ގޮތަކީ، “މަރުވި ދެމަފިރީންގެ ހަށިގަނޑު، ދައުލަތުގެ ޚަރަދުގައި ފިލިޕީންސަށް ފޮނުވާލައިފިއެވެ.” މި ގޮތަށެވެ. ބުނަން ބޭނުންވާ ވާހަކަ ރަނގަޅަށް ދޭހަވަނީ މި ގޮތަށް އޮތީމައެވެ.
އެހެން ޖުމުލައަކަށް ބަލައިލަމާ ހިނގާށެވެ.
“އޭޕްރީލްމަހުން ފެށިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެއެވެ.”
މި ޖުމުލައިން ދޭހަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އާސަންދައިގެ ޚިދުމަތް ލިބެނީ ކޮން ބަޔަކަށް ހެއްޔެވެ؟ އެ ޚިދުމަތް ލިބެނީ، އޭޕްރީލްމަހުން ފެށިގެން ލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންނަށެވެ. އޭގެ ކުރިން އުޅެމުން އައި އެއވެސް މީހަކަށް ޚިދުމަތެއް ނުލިބެއެވެ. ޖަނަވަރީ، ފެބުރުވަރީ މާރިޗު މަހު ލަންކާގައި ދިރިއުޅޭންފެށި ދިވެހިން މި ވަނީ މި ޚިދުމަތުން މަހުރޫމުވެފައެވެ. މި ޖުމުލަ ކިޔާފައި، އެވެރީން ކިހައި ނުރުހޭނެ ހެއްޔެވެ؟ ސަރުކާރަށް ނުރުހުމުގެ ކަޅިއަޅާނެއެވެ. އެހެންނަމަވެސް ޖެހިގެން މި އުޅެނީ އެހެން މައްސަލައެކެވެ. ޖުމުލައިގައި ލަފުޒު އެތުރި ގޮތުގެ ސަބަބުން ކުރިމަތިވެގެން އުޅޭ މައްސަލައެކެވެ. ރަނގަޅަށް ލަފުޒުތައް އަތުރާލައިފި ނަމަ، ލަންކާގައި ދިރިއުޅޭ ހުރިހައި ދިވެހިންނަށް ވެސް އެ ޚިދުމަތް ލިބޭނެއެވެ. ލިޔުންތެރިޔާ ބުނެދޭން ބޭނުންވި ވާހަކަ ރަނގަޅަށް ބުނެވެނީ މި ގޮތަށް ލަފުޒުތައް އަތުރައިލީމައެވެ. “ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އޭޕްރީލްމަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބޭނެއެވެ.”
މި ފަހަރު އެހެން ޖުމުލައެކެވެ.
“ސިފައިންގެ އެހީގައި ޑެންގީ ޖެހިފައި ތިބި ކުދިން މާލެ ގެންނަނީ”
މި ޖުމުލައިގައި މި ވީ ކިހިނެއް ހެއްޔެވެ؟ ޑެންގީ ޖެހިފައި ތިބި ކުދިންކޮޅެއް އިތުރު ފަރުވާއަށް މާލެ ގެންނަނީއެވެ. ކިތަންމެހައި ވެސް މުހިންމު ކަމެކެވެ. އެހެންނަމަވެސް ހިތާމައަކީ، މި ކުދިންނަށް ޑެންގީ ޖެހުނު ގޮތެވެ. ސަލާމަތާއި ރައްކާތެރިކަމުގެ އައްޑަނަ ހިފައިގެން ތިބި މީހުންގެ އެހީތެރިކަމާއެކު، މި ފަހަރު މި އޮތީ ކުދިބަޔަކަށް ބޮޑު ބައްޔެއް ޖައްސާފައެވެ. މިއީ މި ޖުމުލައިގައި ލިޔުންތެރިޔާއަށް ލަފުޒުތައް އަތުރާލެވުނު ގޮތުން ދޭހަވާ ގޮތެވެ. ބަޔެއްގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވުނީއެވެ. ހަގީގަތުގައި ސިފައިން އަދާކުރީ އެބައިމީހުންގެ ގައުމީ ވާޖިބެވެ. ލަފުޒު އަތުރާފައި އޮތްގޮތް ބަދަކުކޮށްލުމުން މި ކަން ސާފުވެއެވެ. ލިޔުންތެރިޔާގެ މަގުސަދު ހާސިލުވެއެވެ. “ޑެންގީ ޖެހިފައި ތިބި ކުދިން ސިފައިންގެ އެހީގައި މާލެ ގެންނަނީ” މި ގޮތަށް އަތުރާލުމުން، ވީ ގޮތް ސާފުވެ އޮޅުން ފިލައިފިއެވެ. ސިފައިން އެހީތެރިވީ ބަލިޖައްސާކަށް ނޫނެވެ. ބަލިޖެހިފައި ތިބި ކުދިން މާލެއަށް ގެންނާށެވެ.
ޢިބާރާތްކުރުމުގައި މި ކަންކަމަށް ނުވިސްނާ ނަމަ، މި ފަދަ މައްސަލަތައް ވަރަށް ގިނައިން ޖެހިދާނެއެވެ. އެކަން ބައެއް ނޫސްތަކުގައި ހުންނަ ލިޔުންތަކާއި ޚަބަރުތަކުން ފެނެއެވެ. އެހެންކަމުން ލިޔުންތެރިން ލިޔުމެއް ލިޔާއިރު، ޖުމުލަތަކުގެ ލަފުޒުތައް އެތުރޭގޮތާ މެދު ފުންކޮށް ވިސްނައި، ބޭނުންވާ މާނަ ދޭހަވޭތޯ ބެލުމަކީ ވަރަށް މުހިމުން ކަމެކެވެ. އޭރުން މި ފަދަ މައްސަލަތަކުން އެ ލިޔުމެއް ސަލާމަތްކުރެވޭނެއެވެ. ލިޔުންތެރިކަމުގެ މަސައްކަތް ދަސްކުރާ ކުދިން ވެސް، މި ކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭށެވެ! މި ބުނީ ކިޔަވާކުދިންގެ ވާހަކައެވެ. ނަތީޖާއަށް ހެޔޮ ބަދަލެއް އައުމަށް މަގުފަހިވާނެއެވެ.
ނޯޓް: މިއީ 2 ފެބުރުވަރީ 2022 ގައި ސަން އޮންލައިންގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.
Be the first to comment