ދޭސީ-ބިދޭސީ ކައިވެނި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދާދި މިދާކަށް ދުވަހު ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި، ދެސީ-ބިދޭސީ ކައިވެންޏާ ބެހޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ދެއްކެވި ވާހަކަތަކަކީ، ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެ ވާހަކަތަކާ ގުޅިފައިވާ ވާހަކަތަކެކެވެ. ބިދޭސީން ދިވެހިންނާ ކައިވެނިކޮށްގެން ހިންގާ ބޮޑެތި ކުށްތަކެއްގެ ވާހަކަ އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިންނާ ބިދޭސީން ކައިވެނިކުރުމަކީ ހަމައެކަނި މިއަދަކު ހިނގަމުން އަންނަ ކަމެއް ނޫނެވެ. އިހުއެވޭލާ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެ ދުވަސްވަރު ބޭރު ގައުމުތަކުން ރާއްޖެއަށް އަންނަ ބޯޓުފަހަރުގައި އުޅޭ ބިދޭސީން ރާއްޖެއަށް އައިސް މަޑުކޮށްލާ ދުވަސްކޮޅު، ދިވެހި އަންހެނުންނާ ކައިވެނިކުރުމަށްފަހު، އެނބުރި ދަމުން ވަރިކޮށްލާފައި ދިޔުމަކީ، ތާރީޚީ ލިޔުންތައް ބުނާގޮތުގައި ވަރަށް އާންމު ކަމެކެވެ. 14ވަނަ ޤަރުނުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި މަޝްހޫރު ދަތުރުވެރިޔާ، އިބްނު ބަތޫތާ ވެސް ރާއްޖޭގައި ހޭދަކުރި ދުވަސްކޮޅުގެ ތެރޭގައި 6 ކައިވެންޏެއް ކުރެއްވިކަމަށާއި އެތައް ޖާރިޔާއިންނެއް ގެންގުޅުއްވިކަމަށް ބުނެވެއެވެ. 

މިއަދު ވެސް ދޭސީ-ބިދޭސީ ކައިވެނިތައް ވަރަށް ޢާންމެވެ. ދިވެހި އަންހެނުން ވެސް އަދި ފިރިހެނުން ވެސް އެކި ގައުމުތަކުގެ ބިދޭސީންނާ ކައިވެނިކުރަމުންގެންދެއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ދޭސީ-ބިދޭސީ 106 ކައިވެނި ކޮށްފައިވެއެވެ. އޭގެތެރޭގައި ބިދޭސީ އަންހެނުން  76 ކައިވެނި ކޮށްފައެވެ. އަދި ބިދޭސީ ފިރިހެނުން 30 ކައިވެނި ކޮށްފައިވެއެވެ. ނިސްބަތުން ބަލާއިރު މިއީ މަދު އަދަދެކޭ ނުބުނެވޭނެއެވެ.

ދިވެހި-ބިދޭސީ ކައިވެންޏާ ގުޅޭގޮތުން، ކުރިން ދެންނެވި ބައްދަލުވުމުގައި، އިމިގްރޭޝަނުން ފާހަގަކުރެއްވި ކަންތައްތަކަކީ، ބޮޑެތި ކަންބޮޑުވުންތަކެއް އެ ކަންކަމާ ގުޅިފައި ހުރި ކަންތައްތަކެކެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖެއިން ޑީޕޯޓްކޮށްފައި ތިބޭ ބިދޭސީން ދިވެހިންނާ ކައިވެނިކުރުމެވެ. އެ ފަދަ ކައިވެނިކުރުމަށް ޓަކައި ދިވެހިމީހާ އެ ގައުމަށް ދަނީއެވެ. އެ ގައުމުގައި ކައިވެނިކުރުމަށްފަހު، ދެން މަސައްކަތްފަށަނީ ޑީޕޯޓްކޮށްފައި ހުރި މީހާ ރާއްޖެއަށް ގެންނާށެވެ. ގައުމަކުން މީހަކު ޑީޕޯޓްކޮށްލާނީ، އެ މީހެއްގެ ކިބައިން ބޮޑެތި މައްސަލަތަކެއް ފެނިގެންނެވެ. އެ ފަދަ މީހަކު، އަނެއްކާ ގައުމަކަށް ގެންނާން މަސައްކަތްކުރުމަކީ ހެދޭ ބޮޑު ގޯހެކެވެ. ކުރަން އެކަށޭނަ ކަމެއް ވެސް ނޫނެވެ. ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ގެނައުން އަދި މާ ބޮޑަށް ގޯހެވެ.

ބިދޭސީން ދިވެހީންނާ ކައިވެނިކުރުމުން ކައިވެނީގެ ވިސާ ބިދޭސީ މީހާއަށް ލިބެއެވެ. މި ގޮތަށް ވިސާ ހޯދައިގެން ބައެއް މީހުން ޖިނާއީ ބޮޑެތި ކުށްތައް ރާއްޖޭގައި ކުރަމުން ގެންދިޔުމަކީ، މިހާރު އާއްމުވަމުން އަންނަ ކަމެއްކަމަށް ވެސް އިމިގްރޭޝަންގެ ބޭފުޅުން ވިދާޅުވިއެވެ. އޭގެތެރޭގައި ހަށިވިއްކުން ފަދަ ބޮޑެތި ފާފަތައް ވެސް ކުރަމުން ގެންދެއެވެ. މިދިޔަ އަހަރު ވެސް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 46 ބިދޭސީއަކު ރާއްޖޭން ފޮނުވާލާފައި ވެއެވެ. ފޮރުވި ތިބެ މި މުޑުދާރު ޢަމަލު، މިހާރު ވެސް ހިންގަމުން ދަނީ ކިތައް ބިދޭސީންކަމެއް ނޭނގެއެވެ. ދިވެހިންގެ ފިރިންގެ ގޮތުގައި ނުވަތަ އަނބިންގެ ގޮތުގައި ތިބި ބަޔަކު، މި ފަދަ ޢަމަލެއް ހިންގަމުންގެންދާ ނަމަ، އެއީ އަހަރެމެން ދިވެހިންނަށް ވެސް ލިބޭ ކޮން ފަދަ ބޮޑު ހުތުރެއް ހެއްޔެވެ؟ އެކަން އެ ކުރަނީ އަހަރެމެންގެ ދަރީންގެ މަންމައެވެ. ނުވަތަ ބައްޕައެވެ.

އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، ޖިނާޢީ ބޮޑެތި ކުށްތައްކުރާ ބިދޭސީން ގިނަ ފަހަރަށް ކައިވެނިކޮށްގެން އުޅެނީ ވެސް، އުމުރުން ދުވަސް ވެފައިތިބޭ ދިވެހިންނާއެވެ. ޒުވާނުން އައިސް، ދުވަސްވީ މީހުން ހަޔާތުގެ ބައިވެރިއަކަށް ހެދުމުގައި، ކޮންމެވެސް ބޭނުމެއް އޮންނާނެއެވެ. ފޮރުވިފައިވާ ޚާއްޞަ އެޖެންޑާއެއް އޮންނާނެއެވެ. އެބައިމީހުން ދިވެހިންނާ ކައިވެނިކުރުމަށްފަހު، ދިވެހި މޫނެއް ބޭރަށް ދައްކައިގެން، މަނާ ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުން ގެންދެއެވެ. މަނީލޯންޑްރިންއާއި މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ބިދޭސީން ވެސް ވަރަށް ގިނައެވެ. ގައުމަށް އެތެރެވާ އެތައް ބައިވަރު ބޭރު ފައިސާއެއް، އެ ބައިމީހުންގެ އަތްމައްޗަށް ޖަމާކޮށް، ނާޖާއިޒުގޮތުގައި ބޭރަށް ފޮނުވަމުން އެބަ ގެންދެއެވެ. މި ފަދަ އެތައްއެތައް ކަމެއް އެ ބައިމީހުންނާ ގުޅިފައި އެބަ ހުއްޓެވެ.

ދިވެހިންގެ ބިދޭސީ ފިރިން ނުވަތަ ބިދޭސީ އަނބިން ކުރާ ކުށަކާ ގުޅިގެން، އެ މީހުންނަށް ދޫކޮށްފައިވާ ވިސާ ކެލްސަލްކޮށް، ގައުމުން ފޮނުވާލަން ބަލާއިރު، ދެން ދިމާވާ މައްސަލަ އަދި މާ ބޮޑެވެ. ޢާއިލާއެއް ބިކަވަނީއެވެ. ކުދިންކޮޅެއް ނިކަމެތިވަނީއެވެ. އެއީ މި ފަދަ ކަމެއް ދިމާވެގެން ފިޔަވަޅުއަޅާން ބަލައިލާއިރު، އެ ދެމަފިރިންނަށް ދަރިން ލިބިފައި ތިބޭތީއެވެ. އެ ފަދަ ހާލަތުގައި ބައްޕަ ނުވަތަ މަންމަ ޑީޕޯޓްކޮށްލީމާ، ހުރިހައި ނިކަމެތިކަމެއް ލިބެނީ އެ ދެމަފިރިންގެ ދަރިންނަށެވެ. ޚަރަދުކުރާނޭ މީހަކު، ދަރިންގެ ކަންކަން ކޮށްދޭނެ މީހަކު ނެތި، އެންމެ ފަހުން ބަލަދުއަރަނީ ސަރުކާރަށެވެ. މިހިރަ ކަންކަމަކީ ކިހައި ބޮޑެތި މައްސަލަތަކެއް ހެއްޔެވެ؟

ދޭސީ-ބިދޭސީ ކައިވެނިތަކުން މި ފަދަ އެތައް ކަމަކާ ކުރިމަތިވަމުން އަންނަކަން ވަރަށް ބޮޑަށް ހަނދާނުގައި ބަހައްޓާން އެބަ ޖެހެއެވެ. ގަބޫލުކުރަމެވެ. ޢާއިލާ ރޫޅި، ދަރީން ނިކަމެތިވަނީ ހަމައެކަނި ބިދޭސީންނާ ކައިވެނިކުރީމައެއް ނޫނެވެ. ދިވެހިންނާ ކައިވެނިކޮށްގެން ވެސް އެ ކަންކަން ހިނގާފައި އެބަ ހުއްޓެވެ. އަދި ބިދޭސީންނާ އެކު ވަރަށް އުފާވެރި ދިރިއުޅުން އުޅެމުން އަންނަ ދިވެހިން ވެސް އެބަ އުޅެއެވެ. އެހެންނަމަވެސް ހަނދާން ބަހައްޓާށެވެ! ބިދޭސީންނަކީ، އެހެން ގައުމެއްގެ އެހެން ސަގާފަތެއްގެ އެހެން ނަސްލެއްގެ ބަޔެކެވެ. އެ ފަދަ މީހަކު ތިމާގެ އާއިލާގެ މެންބަރަކަށް ހަދާއިރު، ވިސްނާންޖެހޭ ވަރަށް ނުވިސްނައި ކައިވެންޏާ ހަމައަށް ދެވިއްޖެ ނަމަ ރަހަ ނުފިލާވަރުގެ ކެއްސެއް ލިބިދާނެއެވެ.

ކައިވެންޏަކަށް ފައިނަގާއިރު ހަމައެކަނި ސިފައަށް ނުވަތަ ތަނަވަސްކަމަށް ނުބަލާށެވެ! އޭގެ އިތުރުން އެ މީހަކީ އިސްލާމްދީން ގަބޫލުކުރާ، އެ ދީނަށް ލޯބިކުރާ މީހެއްތޯ ބަލާށެވެ! ކޮން ކަހަލަ އުޅުމެއް ހުރި، ކޮން މިޒާޖެއްގެ ކޮން ކަހަލަ ވިސްނުމެއް ގެންގުޅޭ މީހެއްތޯ ބަލާށެވެ! އެ މީހަކާ އެކު ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެވިދާނެތޯ ވެސް ބަލާށެވެ! ކައިވެންޏަކީ ހަޔާތެއް ފެށުމަށް ޓަކައި އަޅާ ބިންގަލެވެ. އެ ބިންގާ ހަރުދަނާ ނުވެއްޖެ ނަމަ، ހަޔާތުގެ ބިނާ ރޫޅި ފުނޑުފުނޑުވާން ގިނަ ދުވަސްތަކެއް ނުނަގާނެއެވެ.

ނޯޓް: މިއީ 27 ފެބުރުވަރީ 2022 ގައި ސަން އޮންލައިންގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

Be the first to comment

ޚިޔާލު