އެ ރޭ…

ދޯނި ފާލަމާ ކައިރިކުރިއިރު، އަހަރެންގެ އިސްތިޤުބާލަށް ރަށުގެ ހުރިހައި މުދައްރިސުންނާއި ސްކޫލުގެ އިސްވެރިން އައިސް ތިއްބެވެ. އެމީހުން އަހަންނަށް ކީ ވަރަށް ހޫނު މަރުޙަބާއެކެވެ. ޕްރިންސިޕަލްގެ މަޤާމާ ޙަވާލުވެގެން އަހަރެން މިރަށަށް މިއައީ އަމިއްލަ ރަށުން ލިބުނު ފުރުޞަތު ދޫކޮށްލާފައެވެ. އެއީ މައިން ބަފައިންގެ ރަށްކަމަށް ވިޔަސް، އަދި އަމިއްލަ ދިރިއުޅުން ބިނާވެފައިވާ ރަށްކަމަށް ވިޔަސް، އެރަށުގައި އުޅުން ފަސޭހަކަމަކަށް ނުވާނެތީއެވެ. އެއީ ފިތުނައިގެ ހާއްޔެކެވެ. މިކަހަލަ މަޤާމަކާ ޙަވާލުވެގެން އެރަށަށް ދިޔައީ ވިއްޔާ، އެންމެ ފުރަތަމަ ވެސް ކުރިމަތިލާން ޖެހޭނީ ނަފުރަތުގެ ފުސް މޫނުތަކާއެވެ. ހަސަދައިގެ ރަންކަނި ބުރަބުރާ ހުންނަ ލޯ ތަކާއެވެ. އެންމެ އަވަހަށް ވެސް ލިބޭނެ “ކުރިއެރުމަކީ” ކަމާބެހޭ ފަރާތްތަކަށް، އެކިއެކި މީހުންގެ ފަށުވި އިބާރާތްތަކުން ގަތާލެވިގެން ފޮނުވޭ އަސްލެއް ނެތް، ޝަކުވާގެ ސިޓީތަކުގެ ސަބަބުން ލިބޭ ބަދުނާމެވެ.
މިއީ ހިތްފަސޭހަ ރަށެކެވެ. މި ފަސްގަނޑުގައި ފުރަތަމަ އެޅި ފިޔަވަޅާއެކު ވެސް، ހިތަށް ލިބުނީ ހަމަޖެހުމެވެ. ތިމާވެށީގެ ފެހިކަމާއި ހިތްހެޔޮ ރައްޔިތެއްގެ މޫރިތިކަމުގެ ސަބަބުންނެވެ. ހިތަށް އެރިއެވެ. އަމިއްލަ ރަށަކީ ވެސް މިފަދަ ރަށަކަށް ވީނަމައެވެ. އެރަށުގެ ހުރިހައި ވެސް މައްސަލައަކީ، ވެރިކަމާ ތޮޅޭ ތޮޅުމެވެ. ޑިމޮކުރަސީއޭ މިކިޔާ ހުންގަނޑު ރައްޔިތުންނަށް ޖެހުނުފަހުން، އެކަން ވަކީން ފަލައެވެ. ހީވަނީ ދެ ގައުމަކުން ގެނެސްފައި ތިބި ބަޔަކުހެންނެވެ. އަމިއްލަ ފަސްގަނޑާއި އާއިލާއާއި އެކުވެރީންގެ ވާހަކަ، މިފަދަ ގޮތަކަށް ދައްކަންވީމާ ދެރަވެސް ވެއެވެ.
ދޯނިން ފައިބައިގެން އަހަރެން ހިނގައިގަތީ، އަހަންނަށް ޚާއްޞަކުރެވިފައިވާ ގެއާ ދިމާއަށެވެ. އަހަރެންގެ ފޮށިވަށީގައި ހިފީ ސްކޫލު މަސައްކަތުމީހާއެވެ. އެސިސްޓެންޓް ޕްރިންސިޕަލާއި ބައެއް މުދައްރިސުން އަހަންނާއެކު އައެވެ. އެމީހުންގެ މަޢުޟޫއަކަށްވީ ސްކޫލުގެ ވާހަކަތަކެވެ. އަހަންނާ ދައްކާކަށް އެހެން ވާހަކައެއް، އެމީހުންގެ ނުވެސް އޮންނާނެތާއެވެ.
އަހަރެން ހުންނަން ހަމަޖެހިފައި ހުރި ގެއަކީ، ރަށުގެ މީހުން އުޅޭ ސަރަޙައްދާ އެކަހެރި ސަރަހައްދެއްގައި ހުރި، ތިން ކޮޓަރީގެ ރީތި ގެއެކެވެ. ބޮޑު ސިޓީންރޫމެކެވެ. ކޮންމެ ކޮޓަރިއަކީ ޒަމާނީ ފެންވަރަށް ފައްކާކުރެވިފައިވާ ކޮޓަރިއެކެވެ. ކޮންމެ ކޮޓަރިއަކާ ގުޅިގެން ބޮޑު ފާޚާނާއެއް ހުއްޓެވެ. އަގުބޮޑު ފަރުނީޗަރެވެ.
ފެންވަރައި ނަމާދުކޮށް ހަދާލައިގެން އަހަރެން ގެއިން ބޭރަށް ނިކުމެލީމެވެ. ގޯތިތެރެ އޮތީ އެކީ އެކައްޗަކަށް ހިޔާވެފައެވެ. އެކި ބާވަތްބާވަތުގެ ގަސްގަހާގެހީންނެވެ. ހިތަށް ލިބުނީ ވަރަށް ބޮޑު ހަމަޖެހުމެވެ. ގޯތިތެރޭގައި ހިނގައިލަ ހިނގައިލަ ހުއްޓާ އޭޕީ އަތުވެއްޖެއެވެ. ކާން ބަލައެވެ.
“މީ ކާކުގެ ގެއެއްތަ؟” ދިޔަ މަގުމަތީގައި އޭޕީ ގާތު އަހަރެން އަހައިލީމެވެ.
“މިހާރު ތީ މިރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގެއެއް.”
“ތި ބުނީ؟” ސުވާލުގެ ނަޒަރަކުން އޭޕީއާ ދިމާއަށް އަހަންނަށް ބަލައިލެވުނެވެ.
“ތީ ވަރަށް އެހެންކަހަލަ ގޮތެއް ދިމާވެފައި ހުރި ގެއެއް.”
ދިޔަ މަގުމަތީގައި އެގޭގެ ވާހަކަ އޭޕީ އަހަންނަށް ކިޔައިދިނެވެ. އެ ގޭގެ އަސްލު ވަޒަންވެރީންނަކީ މާލޭގެ ދެމަފިރީންނެވެ. އެމީހުން އެރަށަށް ބަދަލުވެ، އެރަށުގައި ވަޒަންވެރިވީއެވެ. އެހެންކަމުން އެ ރަށުން އެ މީހުންނަށް ގޯޗެއް ލިބުނީއެވެ. އެގޭ ފިރިހެންމީހާއަކީ މުރާލި މަސައްކަތްތެރި މީހެކެވެ. ފައިސާ ހޯދަން ދަންނަ މީހެކެވެ. އޭނާގެ އަމިއްލަ މަސައްކަތުން ފައިސާ އެއްކޮށްގެން، ޒަމާނީ ފެންވަރަށް ގެ ފައްކާކޮށް ނިންމީ، ދެތިން އަހަރެއްހައި ދުވަހުގެ ތެރޭގައެވެ.
އެ ދެމަފިރީން އެރަށަށް ބަދަލުވިތާ ހަތް އަހަރެއްހައި ދުވަސް ވީތަނާ، އަންހެންމީހާ ދުވަސްކޮޅަކު ބަލިވެ އުޅެފައި، ވަރަށް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. އޭރު އެ ދެމަފިރީންނަކަށް ކުއްޖަކު ނުލިބެއެވެ. އެހެންކަމުން ފިރިހެންމީހާއަށް ލިބުނު މާޔޫސްކަން ވަރަށް ބޮޑުވިއެވެ. އެހެންނަމަވެސް ވަގުތުގެ އެހީތެރިކަމާއެކު، ދެމަހެއްހައި ދުވަސް ތެރޭގައި އޭނާއަށް އާންމު ހާލަތަކަށް އާދެވިއްޖެއެވެ.
އެއީ ޒުވާނެކެވެ. ހަށިގަނޑުގައި ދައުރުކުރަނީ ޒުވާންކަމުގެ ހޫނު ލެޔެވެ. މީހަކާ އިނދެގެން އުޅެފައި، އަންބަކު ނެތި ހުސްކޮށް ހުންނަންޖެހުމުން، ދެން ކުރިމަތިވާނެ ހުރިހައި ދައްޗަކާއި އުނދަގުލެއް އޭނާއަށް އައީ ކުރިމަތިވަމުންނެވެ. އެންމެފަހުން އޭނާއަށް ގޯހެއް ހެދިއްޖެއެވެ. މީހެއްގެ އަންބެއްގެ ގާތަށް ދެވުނީއެވެ. އޭނާގެ ފިރިމީހާއަށް އެކަން އެނގުނީއެވެ. ނަތީޖާއަކަށްވީ ހީވެސް ނުކުރާ ފަދަ ނަތީޖާއެކެވެ.
“ކިހިނެއްވީ؟” އަހަންނަށް އަވަސް އަވަހަށް އަހައިލެވުނެވެ.
“އޭނާ މަރައިލީ.”
“ކީކޭ؟ މަރައިލީއޭ؟” އަހަރެންގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ.
“އާދެ! އެ އަންހެންމީހާގެ ފިރިމީހާއަކީ ވަރަށް ނުލަފާ، ޖެހިލުން ކުޑަ މީހެއް. އެއްރޭ ދަންވަރު އޭނާ ނިދާފައި އޮއްވާ ކަތިވަޅިއަކުން ޖަހައި ކަރު ބުރިކޮށްލީ!”
“ހަމަ ރަނގަޅަށްތަ؟” އަހަންނަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ.
“އާދެ!”
“ކޮންތާކު އޮއްވާ މަރައިލީ؟” އަހަރެންގެ ހިތް ތެޅެން ފަށައިފިއެވެ.
“ޕްރިންސިޕަލް ތި ހުންނަވާ ގޭގައި.”
“ދެން ކޮބާ ތިބުނާ މީހާ؟”
“ޖަލުގަ. މަރުވި މީހާގެ ވާރިސަކުނެތީމަ ކައުންސިލްގެ ބެލުމުގެ ދަށަށް ގެ އައީ.”
އޭޕީ ދެއްކި ވާހަކަތައް އަހަންނަށް އުނަދަގޫކުރާން ފެށީ އެރޭ ނިދަން އޮއްވައެވެ. ހިތް ބިރުގަންނަން ފެށީއެވެ. ހިތަށް އަރަނީ ހެއްދެވިހައި ގޯސް އެއްޗިއްސެވެ. އޭގެ ފަހުން މި ގެ މި ހުންނަނީ ފަޅަށް ބާވައެވެ؟ މިއީ އަނެއްކާ އެމީހާގެ ކޮޓަރި ބާވައެވެ؟ އަހަންނަށް ނިދަން މި އޮވެވެނީ އެމީހާ މަރާލާފައި އޮތް އެނދުގައި ބާވައެވެ؟ އޭނާގެ ކަރު ބުރިކޮށްލާފައި އޮތްއިރު ފޭބިހައި ލެއިން ކަޅިވި އެނދަކީ މިއީ ބާވައެވެ؟
ބިރުވެރި ވަސްވާސްތަކުން ފުރިފައި އޮތް ހިތަކާއެކު އަހަރެން އޮތީ، މުޅި ގޭގައި ހުރިއްޔާ ހުރި ހޮޅިބުރިއެއް ދިއްލައިގެންނެވެ. ކޮޓަރީގައި ހުރި ހަތަރު ލައިޓު ވެސް އެހެރީ ދިއްލާފައެވެ. ކޮޓަރިތެރެ ހީވަނީ ދުވާލު މެންދުރުގެ ވަގުތުހެންނެވެ. އަހަރެން އޮތީ، ގައިމަތީގައި ބަނާތު އަޅައިގެން، ލޯ މަރައިލަން ވެސް ނުކެރިފައެވެ. އޭޕީ ގާތު އެ ސުވާލު ނުކުރެވުނު ނަމައެވެ. އޭނާ އެ ވާހަކަ ކިޔައިނުދިން ނަމައެވެ.
އަހަންނަށް ނިދުނީ ކިހައިއިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ ސިހިފައެވެ. އެއާއެކު ހަޅޭއްލަވައިގެންފައި، ފުންމައިގެން ތެދުވެވިއްޖެއެވެ. އެނދަކަށް އެނދެއް ދޫކޮށްލާފައި ދުއްވައިގަނެވުނީ ދޮރާ ދިމާއަށެވެ. ރޯމަހެއް ފަދައިން ތެޅިތެޅި އޮތް ދެ އަތުން ތަޅުގައި ބާރަށް ހިފުނެވެ. ދޮރެއް ނުހުޅުވުނެވެ. ނިދަން އޮށޯންނަން ވެގެން ދޮރު ތަޅުލި ހަނދާންވީ އެވަގުތުއެވެ. ތަޅުދަނޑި އޮންނާނީ ބާލީސް ދަށުގައެވެ. އަހަންނަށް އެނދާ ދިމާއަށް ބަލައިލެވުނެވެ. އެއީ އަހަންނަށް ހީވި ހީވުމެއް ނޫނެވެ. އެއީ އެމީހާއެވެ. ބޮލާއި ކަނދުރާ ވަކިވެފައިވާއިރު، ބޯ އެ އޮތީ، ދެންމެ އަހަރެން ބޯ އަޅައިގެން އޮތް ބާލީސްމަތީގައެވެ. ހަށިގަނޑު އެ އޮތީ ބާލީސްމަތީން ތިރިއަށް ސޮހިފައެވެ. މުޅި ހަށިގަނޑާއި ގޮދަޑި އެވަނީ ލެއިން ތަތްތެޅިފައެވެ. މިހާރު ވެސް އެދަނީ ލޭ އޮހެމުންނެވެ.
އަހަންނަށް ހުރެވުނީ ހަދާނޭ ގޮތެއް ނޭނގިފައެވެ. އެ ބިރުވެރިކަމުން ފުރިފައިވާ މަންޒަރަށް ބަލާށެވެ. އެސްފިޔަ ވެސް ޖަހައިނުލައެވެ. އެހެންހުއްޓާ ކުއްލިއަކަށް ފެނުނީ ބޮލާ ވަކިވެފައި އޮތް ހަށިގަނޑަށް ހަރަކާތް އަންނާންފެށި ތަނެވެ. އަހަންނަށް ދެ ލޯ ބޮޑުކޮށްގެން، އެ ދިމާއަށް ބަލަން ހުރެވުނެވެ. އެތެރެ ހަށީގައި އޮތް ހިތް ނެގިނެގިފައި ޖެހެމުން ދަނީ ވަކި ވަރަކަށް ނޫނެވެ. މުޅި ހަށިގަނޑު އެކީ އެކެއްޗަކަށް ރޫރޫ އަޅަމުން ދެއެވެ. ވާން މިއުޅެނީ ކީއްބާވައެވެ؟ މިތަނުން ނިކުމެވޭކަން ވެސް ނެތެވެ.
އޭނާގެ ދެ އަތަށް ކުޑަ ހަރަކާތެއް އަތުވެއްޖެއެވެ. ދެ ފަޔަށް ވެސް މެއެވެ. އޭނާ އަދި މަރުނުވަނީ ބާވައެވެ؟ އޭނާ އެ އުޅެނީ އެތަނުން ތެދުވަން ބާވައެވެ؟ އެކަމަކު ހަށިގަނޑާއި ބޮލާ އެވަނީ ދެތަން ކުރެވިފައެވެ. ބޯ ކަނޑައިލީމާ އިންސާނަކަށް ހެލިފެލިވެ އުޅެވިދާނެބާވައެވެ؟ ތެދުވެ ހިނގާ ބިނގާވެ އުޅެވިދާނެބާވައެވެ؟
ގިނައިރުތަކެއް ނުވެއެވެ. ހަމަ ކުއްލިއަކަށް އެ ހަށިގަނޑު ފުންމައިގެން ތެދުވެއްޖެއެވެ. އެއާއެކު ނާރުތަކުން ދުނިޖަހައި ނިކުތް ލޭގެ ފައްވާރާ ކޮޓަރީގެ ފާރުތަކާ ހަމައަށް ފޯރައިފިއެވެ. އަހަންނަށް ލިބުނު ކުއްލި ސިހުމާއެކު ތެޅިގަނެވުނެވެ. އެ ހުރިތަނަށް ގުޅައަކަށް ޖެހިއްޖެއެވެ. އެއާއެކު ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
ލޯ ހުޅުވައިލެވުނު އިރު، އަހަންނަށް އޮވެވުނީ އެނދުގައެވެ. އެނދަށް އާދެވުނު ގޮތެއް ވެސް ނޭނގުނެވެ. އަވަސް އަވަހަށް ތެދުވެ، އެނދުން ފުންމާލައިގެން އަނެއްކައި ވެސް ދުއްވައިގަނެވުނީ ދޮރާދިމާއަށެވެ. ދޮރު ހުޅުވަން އުޅެއުޅެ ނުހުޅެވުނެވެ. ސިހިސިހި ހުރެ އެނދާދިމާއަށް ބަލައިލެވުނެވެ. އެނދަކު އެއްކަލަ ބޮލެއް ހަށިގަނޑެއް ނެތެވެ. ލެޔެއް ވެސް ނެތެވެ. ތަޅުންގަނޑަކު ވެސް ފާރަކު ވެސް ލެޔެއް ނެތެވެ. އަހަންނަށް ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި ހިންގަން ފެށުނެވެ. އާދަޔާޚިލާފު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.
އަހަރެންގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ނިތްކުރީން ދާ ތިކިތައް ފޮހެލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއީ ފެނުނު ހުވަފެނެއްބާވައެވެ؟ އެކަމަކު އަސްލާ ހާދަ އެއްގޮތެވެ. އަހަރެން ހަމައަކަށް އެޅުނީ އެތައް އިރެއް ފަހުންނެވެ. ގަޑިއަށް ބަލައިލީމެވެ. މެންދަމުން އަލިވެ ދޭއްޖަހަނީއެވެ.
އެ އެނދުގައި އޮށޯންނާކަށް ނުކެރުނެވެ. ބާލީސްދަށުގައި އޮތް ތަޅުދަނޑި ނަގައިގެން އައިސް ކޮޓަރީ ދޮރު ހުޅުވާލައިފީމެވެ. ސިޓިންރޫމު ވެސް ވަނީ ދިއްލާ އަޅާފައެވެ. އަހަރެން އައިސް ސޯފާސެޓުގައި އިށީނދެލައިފީމެވެ. އޭރު ވަރަށް ގަދައަށް ވައިޖެހެމުން ދެއެވެ. ގޭގެ ޓިނުތައް ވެސް އިރުއިރުކޮޅުން ތެޅެގަނެއެވެ.
ސޯފާގައި އިށީނދެ ރަނގަޅަށް ހަމަޖެހިނުލެވެއެވެ. ދޮރުގައި މީހަކު ޓަކި ޖަހާލައިފިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަނެއްކާ ވެސް މޭ ތެޅިގެންފިއެވެ. ހަމަ ގައިމުވެސް މިހާރު މިއީ ފެންނަ ހުވަފެނެއް ނޫނެވެ.
އަހަންނަށް އިނދެވުނީ ގުޑުމެއް އަރުވާލަން ވެސް ނުކެރިފައެވެ. އެއީ އަނެއްކާ ހީވި ހީވުމެއްބާވައެވެ؟ ނޫނެކެވެ. އަނެއްކާ ވެސް ޖަހާލައިފިއެވެ. މާ ބޮޑަށް ބިރުގަންނަން ފަށައިފިއެވެ. ތިންވަނަ ފަހަރަށް ޖަހައިލުމުން ބޭއިޚުތިޔާރުގައި ކާކުކޭ އަހައިލެވިއްޖެއެވެ. ޖަވާބެއްނައެވެ. އޭރު ވެސް ވައިރޯޅި ވަރަށް ބާރެވެ. ގޯތިތެރޭގައި ހުރި ގަސްތައް ވައިރޯޅީގެ އަނިޔާއާ ކުރިމަތިލައިގެން އުޅޭ އަޑުފަށްގަނޑު ގޭތެރެއަށް އިވެމުން ދެއެވެ.
“އެކަމަކާހުރެ އެންމެ ލޮލުފިޔައެއް ވެސް ފަހުން ނުޖެހުނު.” ޖެހިގެން އައިރޭ އިރާކޮޅުގެ ވަގުތެއްގައި އޭޕީއާ އަހަރެން އެ ވާހަކަ ހިއްސާކޮށްލީމެވެ.
“ކިހާއިރެއްވަދެން ޓަކިޖެހިތޯ”
“ފަތިސްނަމާދަށް ގޮވަން ވެފައި ހުއްޓާ ސަލާމަތްވީ.”
ކުއްލިއަކަށް ވައި ބާރު ވެއްޖެއެވެ. އަނެއްކާ ވެސް ވިއްސާރަ ހަދަނީ ކަންނޭނގެއެވެ. ރޭ ވެސް ވައި މަޑުވީ ވާރޭ ވެސް ވެހިފައެވެ.
“ހުޅަނގު މޫސުމުގެ ވިއްސާރަ މި ފެށުނީ.” އޭޕީ ގޮސް ދޮރުލެއްޕިއެވެ. ގޭތެރެއަށް ވަޔާއެކު ކުނި ވަންނަން ފެށީމައެވެ.
އޭޕީއަށް އައިސް ސޮފާގައި އިށީނދެވޭ ވަރެއް ނުވިއެވެ. ކުއްލިއަކަށް އަހަރެންގެ މޭ ތެޅިގަތީ، އެއްކަލަ ގޮތަށް ދޮރުގައި ޓަކި ޖަހައިލުމުންނެވެ. އަހަރެން ވަގުތުން އޭޕީއަށް އިޝާރާތް ކޮށްލައިފީމެވެ. އޭނާ ކަންފަތް ކޮޅަށް ޖަހައިލިއެވެ. އެވަގުތު އަނެއްކާ ވެސް ޖަހާލައިފިއެވެ. އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އަހަންނަށް ވެސް ތެދުވެވުނެވެ. ދޮރާ ދިމާއަށް އޭނާ ހިނގައިގަތީ މަޑު ފިޔަވަޅުތަކެއްގައެވެ. ވަގު ހިފަން އުޅޭ ފަދަ ގޮތަކަށެވެ. އަތުގައި އޭނާގެ ބައިސްކަލުގެ ބެއްތި އޮތެވެ.
އޭޕީ ގޮސް ދޮރާހަމައަށް ހުއްޓުނު ވަގުތު، އަނެއްކާ ވެސް ޓަކި ޖަހާލައިފިއެވެ. އޭޕީ ކުއްލިއަކަށް ދޮރު ހުޅުވައިފިއެވެ. ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އޭނާ ބޭރަށް ބަލައިލިއެވެ. ދޮރުކައިރިއަކު އެއްވެސް މީހަކު ނެތެވެ. އޭނާ މަޑުމަޑުން ބޭރަށް ނިކުމެއްޖެއެވެ. ބައްތި ދިއްލައިގެން ހުރެއެވެ. ވަށައިގެން އެކި ދިމާއަށް ބަލަންފެށިއިރު އަހަންނަށް ހުރެވުނީ ދޮރުން އެތެރޭގައެވެ. މޭ ފާޑަކަށް ތެޅެމުން ދެއެވެ.
ކުއްލިއަކަށް އަހަރެންގެ ކަންފަތުގައި ޖެހުނީ އޭޕީ ބޭރުގައި ހުރެފައި ޕަކަޕަކަ އަޅާފައި ހީނގަތް އަޑެވެ. އަހަންނަށް ސުވާލުގެ ނަޒަރަކުން ބަލައިލެވުނެވެ. ވީ ގޮތް ރަނގަޅަށް ސާފުވީ އޭނާ ހެމުން ހެމުން އައިސް، ވީގޮތް އޮޅުންފިލުވައިދިނީމައެވެ. ގޭ ކޮޅުގައި ހުރި ހިރުނދުގަހެއްގެ މަރުވެފައި އޮތް ގޮފިގަނޑެއްގެ ކޮޅު، ވަޔާ އައިސް އިރުއިރުކޮޅުން ދޮރުފަތުގައި ޖެހެނީއެވެ. ހެދުނު މޮޔަ ހީވެފައި ލަދުގަތެވެ. އެހެންނަމަވެސް އެކަމުން ސަލާމަތްވުމަށް ޓަކައި އަހަރެން ވެސް ފެށީ ހޭށެވެ.
ނިމުނީ

Be the first to comment

ޚިޔާލު