ބަހުސްކުރާ މަޒުމޫނު

ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި ފަށާތަޢުލީމު އުނގަންނައިދޭން ބޮޑަށް ރަނގަޅީ ދިވެހިބަހުން ހެއްޔެވެ؟ ނުވަތަ ބޭރު ބަހަކުން ހެއްޔެވެ؟

“ޤައުމެއްގެ މާދަރީބަހަކީ އެ ޤައުމެއްގެ ރޫހާއި ސަގާފަތް ރަމުޒުކޮށްދޭ، އެ ޤައުމެއްގެ އަހުލުވެރިންގެ ހިތުގެ ބަހެވެ.” މިއީ ބަހަވީ ޢިލްމުވެރިން މާދަރީބަހަށް ދެއްވާފައިވާ ޤަދަރާއި ޝަރަފެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި އިލްމު އުނގަންނައިދޭއިރު، މާދަރީބަހަށްވުރެ ބޮޑު އިސްކަމެއް ދީފައިވަނީ ބޭރު ބަސްބަހަށެވެ. މައިގަނޑު ސަބަބަކީ އެ ބަސްބަހަށް ދަރިވަރުން މޮޅުކުރުމެވެ. އޭގެ ސަބަބުން މަތީތައުލީމުގެ ފުރުސަތު ތަނަވަސްވެ، ބޮޑެތި މުސާރަތަކުގެ ވަޒީފާތައް ލިބޭނެކަމަށް ގަބޫލުކުރެވޭތީއެވެ. އެހެންނަމަވެސް ބަހުގެ މާހިރުންގެ ދިރާސާތަކުން ހާމަވާގޮތުގައި، ފަށާތައުލީމު އުނގެނޭ ދަރިވަރުންނަށް ބޭރު ބަސްބަހުން ކިޔަވައިދިނުމުގެ ބަދަލުގައި މާދަރީބަހުން ކިޔަވައިދިނުމަކީ، ދަރިވަރުންނަށާއި ގައުމުގެ ކުރިމަގަށް އެތައް ގޮތަކުން މަންފާކުރާނެ ކަމެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި ފަށާތަޢުލީމު އުނގަންނައިދޭން ބޮޑަށް ރަނގަޅުވާނީ، ބޭރު ބަސްބަހަށްވުރެ، ދިވެހިބަހުން ކަމާމެދަކު ޝައްކެއްނެތެވެ.

ފަށާތައުލީމު އުނގެނޭ ދަރިވަރުންނަށް ބޭރު ބަހަކުން ކިޔަވައިދިނުމުގެ ބަދަލުގައި، މާދަރީ ބަހުން ކިޔަވައިދޭ ނަމަ، ގެއަށް ހަވާލުކުރާ މަސައްކަތް ނިންމަން ދަރިވަރުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެއެވެ. ސަބަބަކީ އެ ކުދިން ފަރިތަކަމާ އެކު ވާހަކަދައްކައި، ލިޔެކިޔައި ހަދާ ބަހަކީ ދިވެހިބަސްކަމުގައި ވެފައި، އެ ކުދިން ކިޔަވާ ހުރިހައި މާއްދާއެއްގެ ފޮތްތައް ވެސް ލިޔެފައި ހުންނާނީ ދިވެހިބަހުންކަމަށް ވާތީއެވެ. އެހެންކަމުން ކޮންމެ ފިލާވަޅެއްގެ އިރުޝާދު ވެސް ކިޔައިލުމާ އެކު، އެ ފިލާވަޅެއް ހަދަންވީ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެއެވެ. ހިސާބު ފިލާވަޅެއް ކަމަށްވިޔަސް، ސައިންސް ފިލާވަޅެއް ކަމަށްވިޔަސް، ދަތިކަމެއް ނެތި ނިންމާލެވޭނެއެވެ. އެހެންނަމަވެސް ބޭރު ބަހަކުން ކިޔަވައިދޭ ނަމަ، ފިލާވަޅުތައް ނިންމުމުގައި ވަރަށް ގިނަ ހުރަސްތައް ދަރިވަރުންނަށް ކުރިމަތިވެއެވެ. އެ ކުދިން ބޭނުންކުރާ ފޮތްތަކާއި ހަދަންޖެހޭ ފިލާވަޅުތަކާއި އެ ފިލާވަޅުތައް ހަދަންވީ ގޮތުގެ އިރުޝާދުތައް ބޭރު ބަސްބަހުން ހުންނާތީއެވެ. ފަށާއުމުރުގެ ގިނަ ކުދިންނަކީ، ބޭރު ބަހަކަށް މާ ބޮޑަށް އަހުލުވެރިވެފައި ތިބޭ ކުދިންނަށް ނުވާތީ، އެ ފަދަ ފިލާވަޅުތައް ހަދަންވީގޮތް އެންމެ ފުރިހަމައަށް ދޭހަނުވެ، ފިލާވަޅުތައް ނިންމުމުގައި ހުރަސްތައް ކުރިމަތިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިސްކޫލުތަކުގެ ފަށާތައުލީމު އުނގެނޭ ދަރިވަރުންނަށް ބޭރު ބަހަކުން ކިޔަވައިދިނުމަށްވުރެ، ދިވެހިބަހުން ކިޔަވައިދޭ ނަމަ، ގެއަށް ހަވާލުކުރެވޭ މަސައްކަތް ނިންމުމުގައި، ދަރިވަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެއެވެ.

އިމްތިޙާނުތަކުގައި ދަރިވަރުން ހޯދާ ނަތީޖާ ބިނާވާނީ، އެ ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތާއި ކިޔެވުމުގައި އެ ދަރިވަރުންގެ އަމަލުތައް ބެހެއްޓޭ ގޮތެއްގެ މައްޗަށެވެ. އެހެންކަމުން ފަށާތައުލީމުގެ އުމުރުގައި މާދަރީ ބަހުން ކިޔަވައިދޭ ނަމަ، އިމްތިހާނުތަކުގައި ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުވާނެކަން ކަށަވަރެވެ. ދިރާސާތަކުން ދައްކާގޮތުގައި ފަށާތައުލީމުގެ ދަރިވަރުންނަށް މާދަރީބަހުން ކިޔަވައިދޭ ނަމަ، ދެ ވަނަ ބަހެއް ދަސްކުރަން ފަސޭހަވެ، އެހެން މާއްދާތަކަށް ވެސް ދަރިވަރުން މޮޅުވާނެއެވެ. ދިވެހިރާއްޖޭގައި އިނގިރޭސިބަހުން ކިޔަވައިދެއްވާ މުދައްރިސުން ހިމަނައިގެން ކޮށްފައިވާ ދިރާސާއެއްގައި، %53 މުދައްރިސުން ވިދާޅުވެފައި ވަނީ، ފަށާއުމުރުގެ ދަރިވަރުންނަށް ދިވެހިބަހުން ކިޔަވައިދޭ ނަމަ، ފިލާވަޅުތައް އޮޅުންފިލުވައިދޭން ފަސޭހަވެފައި، ނަތީޖާއަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި ފަށާތައުލީމުގެ ދަރިވަރުންނަށް ބޭރުބަސް ބަހުން ކިޔަވައިދިނުމުން، އެ ކުދީންނަށް އެންމެ ފުރިހަމަ ނަތީޖާ ނުނެރެވޭކަން ދިރާސަތަކުން އަންނަނީ ފެންނަމުންނެވެ. ޔުނެސްކޯއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، 2011 ވަނަ އަހަރު އައިޖީއެސްސީ އިމްތިޙާނު ހެދި ދިވެހި ދަރިވަރުންގެ ތެރެއިން 5 މާއްދާއިން ފާސްވެފައިވަނީ، %50 ދަރިވަރުންނެވެ. އިނގިރޭސި މާއްދާއިން ފާސްވެފައި ވަނީ، އެންމެ %20 ދަރިވަރުންނެވެ. މިއީ ފަށާ ތައުލީމުގެ މަރުހަލާގައި އިނގިރޭސިބަހުން ކިޔަވައިދިން ދަރިވަރުންގެ ނަތީޖާއެވެ. އެހެންކަމުން ފަށާތައުލީމުގެ މަރުޙަލާގައި ބޭރު ބަސްބަހުން ކިޔަވައިދިނުމުގެ ބަދަލުގައި ދިވެހިބަހުން ކިޔަވައިދީފި ނަމަ، ދަރިވަރުންގެ ނަތީޖާ ރަނގަޅުވާނެކަމީ ކަށަވަރު ކަމެކެވެ.

ފަށާތައުލީމުގެ މަރުހަލާގައި ދިވެހިބަހުން ކިޔަވައިދިނުމަކީ ކިޔަވާކުދިންގެ ދިވެހިބަހުގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމެކެވެ. ސަބަބަކީ އެ ކުދިންގެ ތައުލީމުގެ ފުރަތަމަ ބިންގާ އެޅޭ ބަހަކީ ދިވެހިބަސް ކަމަށްވެފައި، ކިޔެވުމުގެ ހުރިހައި ވަގުތެއް ވެސް އެ ކުދިން ހޭދަކުރާނީ ދިވެހިބަހުގެ މާހައުލެއްގެ ތެރޭގައި ކަމަށްވާތީއެވެ. ގޭގައި ވެސް އަދި އިސްކޫލު މާހައުމުގައި ވެސް އެ ކުދިމްނގެ އެންމެ ގާތް ބަހަކަށްވާނީ ދިވެހިބަހެވެ. ލިޔެކިޔައި ހެދުމާއި އިސްކޫލުގެ ފިލާވަޅުތައް ނިންމުމުގައި ވެސް ދިވެހިބަސް ނޫން ބަހަކާ ދިމާއަށް އަތްދިއްކޮށްލާކަށް ނުޖެހޭނެއެވެ. ނަތީޖާއަކަށްވާނީ ބަސްކޮށާރު މުއްސަނދި، އިބާރާތްކުރާން ފަރިތަ، ބަހުގެ ހަމަތަކާއި ގަވާއިދުތަކަށް ލޯ ހުޅުވިފައިވާ ކުދިންތަކަށް އެ ކުދީން ވުމެވެ. އެހެންނަމަވެސް މި އުމުރުފުރައިގެ ދަރިވަރުންނަށް ބޭރުބަސްބަހުން ކިޔަވައިދެމުން ގެންދާތީ، މިއަދު އެ ކުދީން ތަޖުރިބާކުރާން ޖެހިފައިވަނީ، މުޅިން ތަފާތު ހާލަތެކެވެ. ބޭރުބަސްބަސް އެ ކުދިންގެ މިހުރާބަކަށް ވެފައިވާތީ، ދިވެހިބަސް ވެފައި ވަނީ ބީރައްޓެހި ބަހަކަށެވެ. އެހެންކަމުން ގިނަ ކުދިންގެ ދިވެހިބަހުގެ ފެންވަރު އިންތިހާއަށް ދަށެވެ. ނަތީޖާއަކަށްވަނީ އެ ކުދިންނަށް ދިވެހިބަސް ފޫހި ބަހަކަށްވެ، ކިޔަވަން ވެސް ބޭނުންނުވާ ބަހަކަށްވުމެވެ. އެހެންކަމުން ފަށާތަޢުލީމުގެ މަރުޙަލާގައި އިނގިރޭސިބަހުން ކިޔަވައިދިނުމުގެ ބަދަލުގައި، ދިވެހިބަހުން ކިޔަވައިދޭ ނަމަ، ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވާނޭކަން ކަށަވަރެވެ.

ދިވެހިރާއްޖޭގެ ފަށާތައުލީމުގެ މަރުހަލާގައި ބޭރު ބަސްބަހުން ކިޔަވައިދިނުމުގެ ބަދަލުގައި، ދިވެހި ބަހުން ކިޔަވައިދޭން ފަށައިފި ނަމަ، ކިޔަވައިދޭ ތަކެތި ދަރިވަރުންނަށް އޮޅުންފިލާ މިންވަރު އިތުރުވާނެއެވެ. 2011 ވަނަ އަހަރު ޓޭމް ކޮށްފައިވާ ދިރާސާއަކުން ދެއްކިގޮތުގައި، މާދަރީބަހުން ކިޔަވައިދޭ މުދައްރިސުން، ފިލާވަޅުތައް އޮޅުންފިލުވައި ދޭއިރު، މާ ގިނަ މިސާލުތަކާއި ނަމޫނާތައް ދަރިވަރުންނަށް ދައްކައެވެ. އަދި ކުލާސްތެރޭގެ ހަރަކާތްތެރިކަން ބޮޑެވެ. އޭގެ ސަބަބުން ދަރިވަރުންނަށް އޮޅުންފިލާ މިންވަރު ބޮޑެވެ. އެއާޚިލާފަށް މި އުމުރުގެ ކުދީންނަށް ބޭރު ބަހަކުން ކިޔަވައިދޭ ނަމަ، ފިލާވަޅުތައް އޮޅުންފިލުމުގައި ހުރަސްތައް ކުރިމަތިވެއެވެ. އެއް ކަމަކީ މުދައްރިސުންގެ ބަހުގެ ފެންވަރު ދަށްވުމެވެ. ރާއްޖޭގައި އިނގިރޭސިބަހުން ކިޔަވައިދެއްވާ މުދައްރިސުން ހިމަނައިގެން ހަދާފައިވާ ދިރާސާއަކުން ދެއްކިގޮތުގައި، އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދެއްކޭކަމަށް އެއްބަސްވެފައިވަނީ އެންމެ %5 މުދައްރިސުންނެވެ. އަނެއްކަމަކީ މި އުމުރުގެ ގިނަ ދަރިވަރުން ބޭރު ބަސްބަހަށް އަހުލުވެރިނުވުމެވެ. އެހެކަމުން މުދައްރިސުން ކިތަންމެ ރަނގަޅަށް އޮޅުންފިލުވައިދޭން މަސައްކަތްކުރި ނަމަވެސް، ދަރިވަރުންނަށް ފަހުމުވާ މިންވަރު ކުޑަވެއެވެ. ކަންމިހެން އޮތުމާއެކު ފަށާތަޢުލީމުގެ މަރުޙަލާގައި، ބޭރުބަހަކުން ކިޔަވައިދިނުމުގެ ބަދަލުގައި، ދިވެހިބަހުން ކިޔަވައިދިނުމުން، ކިޔަވައިދޭ އެއްޗެހި ފަސޭހައިން އޮޅުންފިލާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ފަށާތަޢުލީމުގެ މަރުޙަލާގައި ބޭރު ބަސްބަހުގެ ބަދަލުގައި މާދަރީބަހުން ކިޔަވައިދިނުމަކީ، ދަރިވަރުންނަށާއި ޤައުމަށް ނުހަނު ގިނަގުނަ ފައިދާކުރާނެ ކަމެކެވެ. އޭގެ ސަބަބުން ގެއަށް ހަވާލުކުރެވޭ މަސައްކަތް، ދަތިކަމެއް ނެތި ނިންމާލެވުމުގެ ޝަރަފު، ދަރިވަރުންނަށް ލިބޭނެއެވެ. އިމްތިޙާނުތަކުގައި ރަނގަޅު ނަތީޖާ ނެރެވުމުގެ ފަޚުރު، ދަރިވަރުން ލިބިގަންނާނެއެވެ. ދިވެހިބަހުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުން އަންނަކަމުގެ ހިތްހަމަޖެހުން ދަރިވަރުންނަށް ލިބޭނެއެވެ. ކިޔަވައިދޭ ތަކެތި ފަސޭހަކަމާ އެކު ނަގައިގަނެވުނުކަމުގެ އުފާ، ދަރިވަރުންނަށް ޙާޞިލުވާނެއެވެ. މި ފަދަ އެތައް ފައިދާތަކެއް ހުރުމުން، ދިވެހިރާއްޖޭގެ ފަށާތައުލީމުގެ މަރުޙަލާގައި، ބޭރު ބަސްބަހުން ކިޔަވައިދިނުމަށްވުރެ، ދިވެހި ބަހުން ކިޔަވައިދިނުމުން، ދަރިވަރުންނަށްކުރާ ފައިދާ ހުރިހައި ގޮތަކުން ވެސް ބޮޑުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

Be the first to comment

ޚިޔާލު