އައްޗީ! މީ ކޯޗެއް؟

ހަވީރުގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތެވެ. ގަޑިން ފަހެއްޖަހައި ބޮޑުވެއްޖެއެވެ. ގުރޭޑް 10 ގައި ކިޔަވާ އަންހެން ދަރިފުޅު ގޮވައިގެން، މުހައްމަދު އައީ ސައިކަލުގައި ގެއަށެވެ. ދުއްވަމުން ދިޔައީ، މަޖީދީ މަގުގެ ހުޅަނގުން އިރަށެވެ. ހަލަބޮލި މަގުގައި ލޫދެމުން، ފެރުކެމުން ކަހަލަ ގޮތަކަށް ކުރިއަށް ދިޔައިރު، ދެ ބަފައިންގެ ދެމެދުގައި އޮތީ ޚާއްޞަ މައުޟޫއެކެވެ. ބޯމަތިވަމުން އަންނަ ފަހު އިމްތިހާނާއި ކިޔެވުމާ ގުޅޭ އެކިއެކި ވާހަކަތަކެވެ.

ބައެއް ފަހަރު މަޑުކުރަމުން، ބައެއް ފަހަރު ކިރިޔާ ފުރޮޅު އެނބުރޭ ވަރަށް ދުއްވަމުން، ބައެއް ފަހަރު ހަލުއި ދުވެލީގައި ދުއްވަމުން، މުޙައްމަދުގެ ދެބަފައިން ކުރިއަށް ދިޔައެވެ. މަޖީދީމަގުގައި ހުރި ސަންފްރޮންޓް ފިހާރަ ފަސްދީ، ތަންކޮޅަކަށް ދެވިއްޖެއެވެ. ކުއްލިއަކަށް މަތިން އެއްޗެހިތަކެއް ފައިބައިގެންފިއެވެ. މުހައްމަދުގެ ބޮލަށާއި އަތަށާއި މުޅި ގަޔަށެވެ. އެޅުނީ ކޮން އެއްޗެއްތޯ ރަނގަޅަށް ބަލައިނުލެވި އުޅެނިކޮށް، މުހައްމަދުގެ ކަންފަތުގައި ޖެހުނީ، ފަހަތުގައި އިން އޭނާގެ ދަރިފުޅުގެ އަޑެވެ.

“އައްޗީ! މީ ކޯޗެއް ބައްޕާ؟”

އަތުގައި ތަތްވެފައި ހުރި އެތިކޮޅުކޮޅަށް މުހައްމަދަށް ބަލައިލެވުނެވެ. އެ ވަގުތު ގަތީ ފަކުރެވެ. ބޮޑުވީ ފިކުރެވެ. އަތާއި ގަމީހާއި ސައިކަލަށް ދާންދެން މިހިރީ ހައްޕުނޑެވެ. ދުފައި ރަތްކޮށްފައި ހުރި ހައްޕުނޑެވެ. އެ ވަގުތު ދަރިފުޅުގެ ހާލެއް ދެކިލަން ފަހަތަށް އެއްލި ނަޒަރާ އެކު ހިތަށް ތަދުވިއެވެ. އެ ކުއްޖާފުޅު އިން ހާލު ފެނިފައެވެ. ލައިގެން އިން ރީތި ހުދު ހެދުމާއި އަޅައިގެން އިން ބުރުގާގައި ވެސް ހުރީ ހުސް ހައްޕުނޑެވެ. އެ މަންޖެ އިނީ، ލޯ ކުޑަވެ، މޭ ބޮޑުވެ، ޗީވެފައެވެ.

ވީކަމެއް ނުވާ ކަމަކަށް ނުވާނެއެވެ. ދެން އޮތީ އަވަހަށް ގެއަށް ދިޔުމެވެ. މި މުޑުދާރުކަމުން މިންޖުވުމެވެ. އެހެންކަމުން ސައިކަލްގެ ދުވެލި ހަލުއިކޮށްލެވޭތޯ މުހައްމަދު މަސައްކަތްފެށިއެވެ. ގެއަށް ވަންގޮތަށް ދެ ބަފައިން، އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ.

މިއީ ދާދިމިދާކަށް ދުވަހު ދެ ބަފަޔަކު ކުރި ފަކުރު ތަޖުރިބާއެކެވެ. ތަރައްޤީގެ އޮޔާއި ވައިން ފަހި މިސްރާބު ހިފާފައިވާ މާލޭގައެވެ. ހޭލުންތެރި، ތަހުޒީބު މުޖުތަމަޢެއްގެ ތެރޭގައެވެ. ކޮންމެވެސް މީހަކު ދުފައި ނިންމާލައިފައި މަގަށް އަނގަ ސާފުކޮށްލީއެވެ. މެދުނުކެނޑި، މީހަކު ފުލު މީހަކު ފަތިދަމާލައިގެން، ތޮއްޖެހި ބާރުވެގެން ދަތުރުކުރަމުންދާ، ކާރޫބާރޫ ބޮޑު މަޖީދީ މަގަށެވެ. އެ ކަން އެ ގޮތަށް ކުރި އިރު ވެސް، އެ ކަމުގެ “ޝިކާރައަކަށް” ކޮންމެވެސް ބަޔަކު ވާނޭކަން، އެ މީހަކަށް ވެސް ކަށަވަރުވާނެއެވެ. މި ފަހަރު އެ “ހަދިޔާ”ގެ ޙައްޤުވެރިއަކަށް މި ވީ މުހައްމަދާއި އޭނާގެ އަންހެން ދަރިފުޅެވެ. އެ ދެބަފައިންގެ ސައިކަލެވެ.

މި ފަދަ ކަންކަން ދިމާވުމަކީ، ފުރަމާލޭގައި އާ ކަންކަމެއް ނޫނެވެ. ހަމަ ކޮންމެ ދުވަހަކު، ކޮންމެ ރެއަކު، އެތައް ބަޔަކު ތަޖުރިބާ ކުރަމުން ގެންދާ ކަންކަމެވެ. ބައެއް ފަހަރު ދުފާފައި ބުރުވައިލާ ހައްޕުނޑެވެ. ބައެއް ފަހަރު އެއްޗެހި ދޮވެފައި އުކާލާ ފެނެވެ. ބައެއް ފަހަރު ކުނި ކަހާފައި އަޅައިލާ ކުންޏެވެ. ބައެއް ފަހަރު ޖަހަމުންގެންދާ ސިމެންތީގެ އެތިކޮޅުތަކެވެ. ބައެއް ފަހަރު ލޭކޮށައިލައި، ޖިސްމާނީ ބޮޑެތި އަނިޔާތައް ލިބޭ ފަދަ އެކި ކަހަލަ އާލާތްތަކެވެ. މި ފަދަ އެތައް އެއްޗެއް އެކި ގޭގޭގެ ކުޑަދޮރުތަކުން ނުވަތަ ބެލްކަނިތަކުން މަގުތަކަށާއި ގޯޅިގޯޅިއަށް ފައިބައެވެ. ހިނގާ މީހުންނާއި ދުއްވާ މީހުންގެ ބޮލަށާއި ގަޔަށް އެޅި، ހަޑިވެ، އަނިޔާވެއެވެ. އުޅަނދުފަހަރު މުޑުދާރުވެއެވެ.

ދިވެހިންނަކީ ކިޔަވައިގެން ތިބި ބަޔެކެވެ. މި ސަރައްޙަދުގައި މިއަށްވުރެ ތަޢުލީމީ ގޮތުން ފުންނާބު އުސް، ހޭލުންތެރިކަމުގެ ގޮތުން ލޯ ހުޅުވިފައި ތިބި ބަޔަކު އުޅޭ ގައުމެއް ނޯންނާނެއެވެ. މަތީ ފާސްތަކާއި ސަނަދުތަކުގެ އަހުލުވެރިން، އާބާދީގެ ނިސްބަތުން ގިނަ ގައުމެއް ވެސް ނޯންނާނެއެވެ. އެހެންނަމަވެސް އެކަން ދިވެހިންގެ ބަހާއި އަމަލުން ފެންނަމުންދޭ ބާވައެވެ؟ ކިޔެވި އެއްޗެއްގެ ބޭނުން، އެދެވޭ ގޮތުގައި ހިފޭ ބާވައެވެ؟ ނުފެންނަ ނަމަ، ނުހިފޭ ނަމަ، އާލިމަކާ ޖާހިލަކާ ހުރީ ކޮން ފަރަޤެއް ހެއްޔެވެ؟

މިއީ ދިވެހިރާއްޖެއެވެ. އެހެންނަމަވެސް ދިވެހިންގެ ރާއްޖެއެއް ނޫނެވެ. މި ކުޑަކުޑަ މާލެއަކީ ވެސް އެތައް ނަސްލެއް ދިރިއުޅޭ ހާއްޔެކެވެ. އެހެންކަމުން މާލޭގައި ހިނގާ ކަންކަން މިއިން ކޮންމެ ނަސްލަކާ ވެސް ގުޅިފައި އޮވެދާނެއެވެ. ކަން މިހެން އޮތް ނަމަވެސް، އެހެނޭ ކިޔާފައި ހިތްހަމަޖައްސާލެވޭކަށް ނޯންނާނެއެވެ. މި ގައުމުގައި، ޚާއްޞަކޮށް މާލޭގައި ދިރިއުޅޭ ފަރުދުންނަށް، ރައްކާތެރި މާހައުލެއް ލިބޭން ޖެހޭނެއެވެ. އަމުދުން ބިރެއް، ނުރައްކަލެއް، ފަކުރެއް ނެތި، މަގުތަކުގައި ދުއްވާލައި، ހިނގާބިނގާވެލައި އުޅެވޭން ޖެހޭނެއެވެ. ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު، ފާޚާނާއަށް ނުވަދެ ފަރުޖައްސައިލެވޭންވާނެއެވެ. ހަސްފަތާލަށް ނުގޮސް، ހިތްހަމަޖައްސައިލެވެން ވާނެއެވެ.

ނިމުނީ

Readers Comments (1)

  1. މިކަހަލަ ލިޔުންތަކުން ޢިބުރަތް ޙާސިލްކޮށް އެފަދަ މުޑުދާރު ޢަމަލުތަކުން ސަލާމަތްވުމަކީ ބުއްދިވެރިކަމެއް.
    ލިޔުން ވ ކަމުދޭ

    Reply

ޚިޔާލު