“ވެރި” އާއި “ތެރި” އަށް ބަލައިލުމެއް

ބަހުގެ ހަމައާ އެއްގޮތަށް ބަސް ބޭނުންކުރަން އާދަވެފައިވުމަކީ، ބަހަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހަމަ އެއާއެކު ބަހުގެ ހަމަތަކަށް ބީރައްޓެހިވުމަކީ، ބަހަށް ލިބޭ ނިކަމެތިކަމެއް ވެސް މެއެވެ. އެހެންކަމުން ހަމައާ އެއްގޮތަށް ބަސް ބޭނުންކުރަން ސަމާލުކަން ދިނުމަކީ ބަހުގެ އަހުލުވެރިންގެ ވާޖިބެކެވެ. ތިމާ ބުނެދޭން ބޭނުންވާ އެއްޗެއް އަނެކާއަށް ފަހުމުކޮށް ދެވުމުން ފުދުނީ ކަމަށް ދެކި، ނިންމާލުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އެހެންކަމުން މި ލިޔުމުގައި ބަހުގެ ހަމައިގެ ތެރެއިން “ތެރި”އާއި “ވެރި” ބޭނުންކުރެވޭ ގޮތުގެ މައްޗަށް އަލިއަޅުވައިލާނަމެވެ.

އެންމެ ފުރަތަމަ “ތެރި”އާއި “ވެރި” މި ދެ ލަފުޒު، ބަހުގައި އަދާކުރާ ދައުރަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. ބަހުގައި މި ދެ ލަފުޒު ވެސް އަދާކުރާ ދައުރަކީ އެއް ދައުރެކެވެ. ނުވަތަ އެއް މަސައްކަތެކެވެ. އެއީ ނަން، ނަންއިތުރަށް ބަދަލުކުރުމުގެ މަސައްކަތެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، ނަމެއްގެ ފަހަތަށް މިއިން ލަފުޒެއް އިތުރުކުރުމުން އެ ނަން ބަދަލުވަނީ ނަންއިތުރަކަށެވެ. މި ގޮތަށް ބަދަލުވާނީ މައުނަވީނަމެއްގެ ފަހަތަށް މިއިން ލަފުޒެއް އިތުރުކުރުމުންނެވެ. މީގެ މިސާލަކަށް ޖެހިލާނަމެވެ.

“ހިކުމަތް” މިއީ މައުނަވީނަމެކެވެ. މި ނަމުގެ ފަހަތަށް “ތެރި” އިތުރުކުރުމުން ކިޔާނީ “ހިކުމަތްތެރި” މި ގޮތަށެވެ. މިހާރު “ހިކުމަތް” އެ ވަނީ ނަންއިތުރަކަށް ބަދަލުވެފައެވެ. ހިކުމަތްތެރި މީހެއް، ހިކުމަތްތެރި ފަހުލަވާނެއް މި ފަދަ ގޮތަކަށް ބޭނުންކުރުމުން ނަމަށް އިތުރު ސިފައެއް ގެނެސްދޭ ލަފުޒަކަށް “ހިކުމަތްތެރި” ވެއްޖެއެވެ. ހަމަ އެފަދައިން “ވެރި” ވެސް އަދާކުރަނީ ހަމަ މި ދައުރެވެ. އޭގެ މިސާލަކަށް ވެސް ބަލައިލަމާ ހިނގާށެވެ. “ފިތުނަ” މިއީ ވެސް މައުނަވީ ނަމެކެވެ. މި ނަމުގެ ފަހަތަށް “ވެރި” އިތުރުކުރުމުން އެ ނަން ވެސް އެ ވަނީ ނަންއިތުރަކަށް ބަދަލުވެފައެވެ. ފިތުނަވެރި މީހެއް، ފިތުނަވެރި ތަނެއް މި ފަދަ ގޮތްގޮތަށް ބޭނުންކުރުމުން ނަމަށް ސިފަ ލިބެއެވެ.

މިހައިހިސާބުން އުފެދޭ ސުވާލަކީ ނަންއިތުރު އުފެއްދުމަށް ޓަކައި، މި ދެ ލަފުޒު ބޭނުންކުރާނީ ކޮން ހަމައަކުން ހެއްޔެވެ؟ މި ކަމަށް ވަކި ޚާއްޞަ ހަމައެއް އުފައްދާފައި އެބަ އޮތް ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. މި ކަމުގައި ބަހުގެ ހަމަ ވަނީ ވަރަށް ސާފު މަގެއް ދައްކައިދީފައެވެ.

ފުރަތަމަ ބަލައިލާނީ “ތެރި” މި ލަފުޒަށެވެ. މި ލަފުޒު އާންމު ގޮތެއްގައި ގުޅޭނީ، ސުކުނަށް ނިމިފައި ހުންނަ މާނަވީނަންނަމުގެ ފަހަތަށެވެ. އެ ނޫން ފިއްޔަކަށް ނިމިފައި ހުންނަ ނަންމުގެ ފަހަތަކަށް މި ލަފުޒު އިތުރެއް ނުކުރެވޭނެއެވެ. އެ ފަދަ ނަންނަމުގެ މިސާލަކީ “ހިންމަތް” “އިޚުލާޞް” “ނަޒާހާތް” “ބަލާޣާތް” މި ފަދަ މާނަވީނަންނަމެވެ. މިއިން ކޮންމެ ނަމަކީ ވެސް ސުކުނަށް ނިމިފައި ހުރި ނަންނަމެވެ. އެހެންކަމުން މި ނަންނަން، ނަންއިތުރަކަށް ބަދަލުކުރާ ނަމަ، އެ ނަންނަމުގެ ފަހަތަށް އިތުރުކުރާނީ “ތެރި” އެވެ. “ހިތްމަތްތެރި، އިޚުލާސްތެރި، ނަޒާހަތްތެރި، ބަލާޣާތްތެރި” މި ގޮތަށެވެ. އެހެންކަމުން ސުކުނަށް ނިމިފައި ހުންނަ މި ފަދަ ނަންނަމުން ނަންއިތުރު އުފައްދާ ނަމަ ގުޅުވާނީ “ތެރި” މި ލަފުޒެވެ.

ދެން އޮތީ “ވެރި” މި ލަފުޒުގެ ވާހަކައެވެ. ބަހުގެ ހަމަ ބުނާގޮތުން މި ލަފުޒު އާންމުގޮތެއްގައި ގުޅޭނީ ސުކުން ނޫން ފިލިފިއްޔަށް ނިމިފައި ހުންނަ މާނަވީނަންނަމުގެ ފަހަތަށެވެ. އެހެންކަމުން ސުކުނަށް ނިމޭ މާނަވީނަމެއްގެ ފަހަތަށް “ވެރި” އިތުރުކުރުމަކީ ހަމައާ ޚިލާފު ގޮތެކެވެ. މިސާލަކަށް “އުފާ” “ރުޅި” “ކިބުރު”މި ފަދަ މާނަވީނަންނަމަކީ ސުކުން ފިޔަވާ އެހެނިހެން ފިލިފިއްޔަށް ނިމިފައި ހުރި ނަންނަމެވެ. އެހެންކަމުން މި ނަންނަމުގެ ފަހަތަށް “ތެރި” އެއް އިތުރެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި އިތުރުކުރެވޭނީ “ވެރި”އެވެ. “އުފާވެރި، ރުޅިވެރި، ކިބުރުވެރި” މި ގޮތަށެވެ.

ވަރަށް ގިނަ ފަހަރަށް “އޯގާތެރި” މި ގޮތަށް ލިޔެފައި ހުންނަތަން ފެނެއެވެ. އެހެންނަމަވެސް ބަހުގެ ހަމަ ބުނާ ގޮތުން އެ ގޮތް ރަނގަޅެއް ނުވާނެއެވެ. ސަބަބަކީ “އޯގާ” މި މައުނަވީނަމަކީ ސުކުނަށް ނިމޭ ނަމެއް ނޫނެވެ. އާބާފިއްޔަށް ނިމޭ ނަމެކެވެ. އެހެންކަމުން އެ ނަމުގެ ފަހަތަށް އިތުރުކުރެވޭނީ “ވެރި” އެވެ. ލިޔެވޭނީ “އޯގާވެރި” މި ގޮތަށެވެ.

މި ހަމައަށް ނުފެތޭ ބައެއް އިސްތިސްނާ ވެސް ހުރިކަން ފާހަގަކޮށްލަމެވެ. މިސާލަކަށް “ވަފާ” މިއީ ވެސް ސުކުނަށް ނިމޭ މާނަވީނަމެކެވެ. އެހެންނަމަވެސް މި ނަމުގެ ފަހަތަށް “ވެރި” އިތުރުކޮށްގެން “ވަފާވެރި” ކިޔައެއް ނޫޅެއެވެ. ކިޔައިއުޅޭ ގޮތަކީ ފަހަތަށް “ތެރި” އިތުރުކޮށްގެން “ވަފާތެރި”އެވެ. އެހެންކަމުން ކުރިން ބަޔާންކުރި ހަމއަށް ނުފެތޭ ބައެއް އިސްތިސްނާ ހުރިކަން ވެސް ފާހަގަކޮށްލަމެވެ. “އޯގާވެރި” މި ލަފުޒުގައި ވެސް އިސްތިސްނާ ހުރިކަން ބަހުގެ އިލްމުވެރިން ވިދާޅުވެއެވެ.

“ވެރި” ނުވަތަ “ތެރި” ފަހަތަށް އަންނަ ކޮންމެ ލަފުޒަކާ މެދު މި ހަމައިން ނުވިސްނާށެވެ. މިސާލަކަށް “މަސްވެރި، ފަތުރުވެރި، ދަނޑުވެރި، ޖަމާޢަތްތެރި” މި ފަދަ ނަންނަމަކީ މި ހަމައިގެ ތެރޭގައި ހިމެނޭ ނަންނަމެއް ނޫނެވެ. އެއީ މުޅިން ތަފާތު ގޮތަކަށް އުފެދިފައި ހުރި ތަފާތު ނަންނަމެވެ. ކުރިން މި ބަޔާންކުރި ހަމައަށް ފެތޭނީ މާނަވީނަމެއް، ނަންއިތުރަކަށް ބަދަލުކުރުމަށް ޓަކައި “ވެރި” ނުވަތަ “ތެރި” އިތުރުކުރާ ހާލަތުގައެވެ.

Be the first to comment

ޚިޔާލު