އަޖަލު
ސިހުމާއި ކެކުޅުން އިންތިހާގައެވެ. ރަޙުމެއް އަމުދުން ނެތެވެ.
ހުޅިލައި ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ގަދަފަދަކަމެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތަކުގެ ބޮޑެތިކަމެވެ. ވިދާލައި ވިދުވަރުގެ ތޫނުކަމެވެ. ޖަހާލައި ގުގުރީގެ ބަރުކަމެވެ. ރުއިމާއި ގިސްލުމުގެ އަޑުގައި ހުރި ހިތްދަތިކަމެވެ. ނުރައްކާތެރި އިންޒާރުގެ އަޑުތަކުގެ ގަދަފަދަ ކަމެވެ. ހެދެމުން ދިޔަ ލޭގެ ކޯރުތަކުން ފެންނަ ރަޙުމު ކުޑަކަމެވެ. ނިކަމެތި އާދޭހުގެ އަޑުތަކުގެ ކެކުޅުންތަކެވެ. މަރަށް ދެމެމުންދާ ހަށިތަކުގެ ފަހު ނޭވާއާ އެކު، ނިކުންނަ އާހުގެ ވޭނީ އަޑުތަކެވެ. އިވެމުން އައި އަޑުތައް މަޑުވާން ފަށައިފިއެވެ. ފެންނަމުން ދިޔަ މަންޒަރުތައް ފަނޑުވެ ފުސްވާން ފަށައިފިއެވެ. އިސާހިތަކު މުޅި މާޙައުލު ހަމަހިމޭން ވެއްޖެއެވެ. ކަޅު އަނދިރިކަމަށް ބަދަލު ވެއްޖެއެވެ.
******************************
އުދަރެސް ދޮންކުރާންފެށީ، އާ ދުވަހަކަށް އިރު އެރުމަށް ފުރުސަތު ފަހިކޮށްދެމުންނެވެ. ތަފާތު އެކި ކުލަތަކުން އުޑުމަތި ފެވެމުން، ކުލަ ޖެހެމުން އަންނަނީ، ވިސްނައިފި މީހަކަށް ﷲގެ ކުޅަނދުންވަންތަކަން ހަނދާންކޮށްދެމުންނެވެ. ރަތްކުލައާއި ރީނދޫކުލައިންނެވެ. ދަނބުކުލައާއި ނޫކުލައިންނެވެ. އޮރެންޖުކުލައާއި ފިޔާތޮށިކުލައިންނެވެ. ޖައްވަށް ވެރިވެފައިވާ ފަތިހުގެ ފިނިކަމާއި ހަމަހިމޭންކަމުގެ ތެރޭގައި ގދ. މާތޮޑާގެ ހިތްވަރުގަދަ މަސްވެރިން، ފަތިހުގެ މީރު ނިދިކޮޅު ގުރުބާންކޮށްފައި، ފުރައިގެން އެ ދަނީ، އެބައި މީހުންނަށް މިއަދަށް ހަމަޖެހިފައިވާ ރޯދިބަރަކާތް ލިބިގަތުމަށެވެ.
މާތޮޑާއިން މަހަށް ފުރި އޮޑިއޮޑިފަހަރުގެ ތެރެއިން އެއް އޮޑީގައި، މާތޮޑާ ދޮންކަލޯބެއްޔާގެ އާދަނު (އެރަށު މީހުން ކިޔާގޮތަށް ނަމަ އާދަނާ) އިނެވެ. އާދަނާއަކީ އުމުރުން ވިއްސަކަށް އަހަރުގެ ނޫކަށި ޒުވާނެކެވެ. ހީވާގި މަސްވެރިއެކެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑެއްގެ ވެރިއެކެވެ. އެރަށު ޒުވާން ފުރައިގެ އެތައް އަންހެން ކުދިންނެއްގެ ހިތްތަކުގެ މިޙުރާބެވެ. ފިރިއެއްގެ ކިބައިގައި ހުންނަންވީ ހުރިހާ ރަނގަޅު ސިފަތަކެއް އެންމެ ފުރިހަމަގޮތުގައި ލިބިހުރި ފަސްމީރު ކުރިރުކެކެވެ.
މިއަދު އާދަނާގެ ހިތަކީ، ހުސް ހިތެއް ނޫނެވެ. އެތައް ކުދިންނެއް އޭނާއަށް ޓަކައި ފިދާވާން ތައްޔާރަށް ތިއްބާ، އޭގެތެރެއިން ކުއްޖަކު އޭނާގެ ހިތުގެ ރާނީއަށް ހަދައިފިއެވެ. އެރަށު އާމިންދިޔަގެ ހައްވާދިޔެއެވެ. ހައްވާދިޔެގެ އުމުރަކީ ސޯޅަ އަހަރެވެ. އޭނާއަކީ އެ ރަށުގެ ނިސްބަތުން ރީތި ކުއްޖެކެވެ. ސިފަ އެކަންޏެއް ނޫނެވެ. އުޅުމެވެ. ވާހަކަދެއްކުމެވެ. އެޒަމާނާ އަޅައި ބަލާއިރު، ތަޢުލީމީ ކުއްޖެއް ވެސް މެއެވެ. އުފާވެރި ދިރިއުޅުމަކަށް ކިތަންމެހައި ވެސް ރަނގަޅަކަށް ދޮންވެ ފައްކާވެފައިވާ ރަނެއް މަލެއް ފަދަ ކުއްޖެކެވެ.
އާދަނާގެ މިއަދުގެ އެންމެ ބޮޑު ހުވަފެނަކީ، ވީ އެންމެ އަވަހަކަށް ހައްވާދިޔެއާ ކައިވެނިކޮށް، އުފާވެރި ދިރިއުޅުމެއް ފެށުމެވެ. ދަރިންކޮޅެއް ހޯދައިގެން، ދުނިޔަވީ ހަޔާތް ފާގަތިކަމާއެކު ވޭތުކުރުމެވެ. އެހެންނަމަވެސް މިއަދު ދުނިޔެ ކުރިމަތިލާފައި މި ވަނީ، ވޭން ގަދަ، ހިތްދަތި ދުވަސްވަރަކާއެވެ. މިއީ ދުނިޔޭގެ އުޞޫލެވެ. އެއް ކަމެއް ވެސް ތާއަބަދު އެއްގޮތަކަށް ދެމިއެއް ނޯންނާނެއެވެ. ފަހި ދުވަސްތަކާ ކުރިމަތިލާ އުޞޫލުން، ދަތި ދުވަސްތަކާ ވެސް ޖެހޭނީ ކުރިމަތިލާށެވެ. ކެތްތެރިކަމާއެކުގައެވެ. އަދި މިދުވަސް ފިއްލަވާނެއެވެ. އަމާން ދުވަސްތަކަކަށް އަލިވިލޭނެއެވެ. މިއީ އާދަނާ ގަބޫލުކުރާގޮތެވެ. ހައްވާދިޔެ ވެސް ދެކޭގޮތެވެ.
ދުވަސްވަރަކީ ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ ބިރުވެރި، ހިތްދަތި ދުވަސްވަރެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ނުރައްކާތެރިކަން މުޅި ހިންދު ކަނޑަށް ފެތުރި، ޢާންމުވެފައިވާ ދުވަސްވަރެވެ. ޖަޕާނުގެ ސަބުމެރީންތައް އިންޑިޔާ ކަނޑުގައި ފުމެ ނަގަނީ، ބަޔަކު ބިރުން ފިތްކަނޑައިގެންދާ ފަދަ ދަރަޖައަކަށެވެ. މި ކުޑަކުޑަ ފުށި ޤައުމަށް ވެސް އެ ކަމުގެ ނުރައްކާތެރިކަން ވެރިވެފައި އޮތީ އިންތިހާއަށެވެ. އެހެންކަމުން މި ދުވަސްވަރު މަސްވެރިން ކަނޑުމައްޗަށް ނިކުމެ، ދުރަށް ދުއްވައި އުޅުމަކީ، ރައްކާތެރިކަމެއް ނޫނެވެ. ނުރައްކާތެރި ބިރުހުރި ކަމެކެވެ. އަނެއްކޮޅުން މި ހަނގުރާމައާ ގުޅިގެން، ދިވެހީންނަށް ކުރިމަތިލާން ޖެހިފައިވަނީ، މިއިން ޒަމާނަކު ކުރިމަތި ނުވާހައި ބޮޑު ތަދުމަޑުކަމަކާއެވެ.
އާދަނާ މަހަށް ދިޔަ އޮޑި މަހުން ލެފިއިރު، އަސުރުން އިރު ތިރިވެ، އޮއްސުމަކާ ދާދި ކައިރިވެއްޖެއެވެ. ކާޅުތައް ބައިބަޔަށް ރަށްމަތީން، ގޮނޑުދޮށުން، ކޮޅުކޮޅަށް އުދުހެމުން ދާތަން ފެނެއެވެ. މަސްވެރީން މަހުން ލަފާނޭ ވަގުތަކަށް އިންތިޒާރުކުރަމުން ގެންދާ ކަހަލައެވެ. ގޮނޑުދޮށުގައި ދޮށި އެއްލަން ދެތިން މީހަކު ތިއްބެވެ. ކުކުޅަށް ކާންދޭން އުޅުނު ދެ އަންހެނަކު ހޭޅިފަށުން ގޮސް ބޮޑުމަގަށް އަރާތަން ފެނެއެވެ. އަތިރިމަތީގައި ކުޅެން އުޅުނު ކުޑަ ކުދީން، ގެއާދިމާއަށް ހޭރިޔާކުރަން ފަށައިފިއެވެ.
ލިބުނު ހަ ރާގޮނޑި ކަރުއަޅައިލުމަށްފަހު، ރާޅުފަށަށް އެރި ދޮވެލައިގެން، އާދަނާ އެއްގަމަށް އެރުމަށް ޓަކައި ހިނގައިގެންފިއެވެ. އޭރު އަތިރިމަތީގައި ހުރި ރަތުރުކެއްގައި ލެނގިލައިގެން އެހެރީ، އޭނާގެ ހައްވާދިޔެއެވެ. ހައްވާދިޔެ އެހެރީ އާދަނާ މަހުން ލަފާތަނަށް އައިހެވެ. ދެކިލާ ހިތުންނެވެ. ހައްވާދިޔެ ފެނުމުން، އާދަނާގެ ހިތަށް ފިނިކަން ލިބުނެވެ. އޭނާ ހައްވާދިޔެއާ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. ހިނިތުންވެލަމުންނެވެ.
އާދަނާ އަންނަތަން ފެނުމާއެކު، ހައްވާދިޔެއަށް ގޮތްތަކެއް ވެގެންދިޔައެވެ. އެއީ އާދަނާ ފެނުމުން އޭނާއަށް އަބަދުވެސް ވާގޮތެކެވެ. ލަދުގަހެއް ފަދައިން ލެނބެނީއެވެ. ރަކިވެ، އިސްޖެހެނީއެވެ. ހަތަރެސްފައި ފިނިވެ، ދާހިތްލަނީއެވެ. އާދަނާއަށް ދެވުނީ ތަންކޮޅަކަށެވެ. ހައްވާދިޔެ އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ. ދެ އަތް ދެ އަތަށް ފިތަމުން، އޮޅެމުން ކަހަލަ ގޮތަކަށެވެ. ވަކި ހިސާބަކަށް ގޮސްފައި، ކަނޑިކި ކޮށިކޮށްލަމުން ދުއްވައިގެންފިއެވެ. އާދަނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.
އާދަނާ ގެއަށް ދިޔަ މަގުމަތީގައި، ހައްވާދިޔެމެންގެއަށް ތިން ރާގޮނޑި ލާފައި، އަނެއް ތިން ރާގޮނޑި ހިފައިގެން ގެއަށް އައިސް، ފެންވަރައި ނަމާދުކޮށްލައި ހަދައިގެން، އަނެއްކާވެސް ދިޔައީ ހައްވާދިޔެމެން ގެއަށެވެ. އޭރު ހައްވާދިޔެ ހުރީ އާދަނާގެ އިންތިޒާރުގައެވެ. އާދަނާ އައުމާއެކު ހައްވާދިޔެގެ މަންމަ އާމިންދިޔަ އުޅުނީ އާދަނާއަށް ކާންހަދާށެވެ. ހައްވާދިޔެ ގޮސް، މަންމައާ ބައިވެރިވިއެވެ. އޮޅުއަލައާއި ހިކި ކާށީގެ ހުންޏާއި ރާގޮނޑި ގަރުދިޔަ ގެނެސް، ބޮޑުއަށިމަތީގައި އަތުރައިލިއެވެ. އާމިންދިޔަ ހައްދާ އޮޅުއަލަ ދަނޑެއް އޮންނާތީ، އެމީހުންނަށް ކޮންމެވެސް ވަރަކަށް އަލަ ލިބެއެވެ. މިހާރަށް ބަލާއިރު މިއީ ވެސް ވަރަށް ބޮޑުވަރެކެވެ. ބޮޑުއަށީގެ ހިތާނުވަޅުގައި، ދެ ފައި ވައްކޮށްލައިގެން އިނދެ އާދަނާ ވަރަށް ރަނގަޅަށް ކެއެވެ.
ކައިނިމިގެން، އާމިންދިޔަ ދިނީމާ ބިޑިއެއް ރޯކޮށްލައިގެން، އާދަނާ ނިކުތީ ބޭރަށެވެ. ގޭގައި އަނގައަށްލާނެ ފޯއްކޮޅެއް ނެތެވެ. ބޯލާނެ ބިޑިއެއް ވެސް ލިބެނީ މަދު މީހަކަށް، މަދު ފަހަރަކުއެވެ. ލިބޭ ކުޑަ ދުންފަތްކޮޅަށް، ނޫނީ ތަނޑުކޮޅަށް ބަލައިގެން ރައްކާކޮށްގެން އުޅޭ މީހަކަށެވެ. އާމިންދިޔަ ފޮރުވައިގެން އުޅޭ ދުންފަތްކޮޅު ވެސް، މިހާރު ހުސްވުމަކާ ދާދި ކައިރިވެއްޖެއެވެ. ދުންފަތްކޮޅު ހުސްވީމާ، ދެން ހަދާނޭ ގޮތަކާމެދު، މިހާރު ވެސް އޭނާއަށް ފިކުރު ކުރެވެއެވެ.
އާދަނާ ނިކުމެ ގޭ ދޮރުމަތީގައި ހުރި، އޮށި އަށިގަނޑު މަތީގައި އުޑުތިލަމަތީން ކަހަލަ ގޮތަކަށް ޖައްސައިލިއެވެ. ސާދަ ފަނަރައިގެ ހަނދު، މެދު އުޑަށް މިސްރާބު ޖަހާފައިވާއިރު، މުޅި ދުނިޔެއަށް ޞަދަޤާތްކޮށްފައި ވަނީ، ތޫނު ރިހި ހަނދުވަރެކެވެ. އެއް ގަހުން އަނެއް ގަހަށް، ކާނާއަކަށް އެދި ފިޔަޖަހާ ވާލެއް ފިޔަވައި، ދިރޭ ފުރާނައެއްގެ ހިލަމެއް ނެތެވެ. އާދަނާ އިރުއިރުކޮޅުން ތުނބުގައި ބިޑި ޖަހައި ދަމާލައެވެ. އޭގެ ދިލަ ދުންތައް ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ޒަހަރުލާފައި، ނުކުމެ ޖައްވުގެ ތެރެއަށް ފޭދިގެންދެއެވެ. ހިންޗިއެއް ވަރުކޮށްލުމަށްފަހު، ބިޑިބުރި އެއްލައިލިތާ ގިނަ އިރެއް ނުވެ، ހައްވާދިޔެ ގެއިން ނިކުމެގެން، ލަދު ރަކި ހިނގުމެއްގައި އައިސް، އާދަނާގެ ގާތުގައި އިށީނދެއްޖެއެވެ. ރިހި ހަނދުވަރުގެ އަލިން އިތުރު އުޖާލާކަމެއް ލިބިފައިވާ، ހައްވާދިޔެގެ ދޮން މޫނަށް އާދަނާ ބަލައިލިއެވެ. ރޭގަނޑެއް ފަދަ ކަޅު އިސްތަށިގަނޑުގައި އާދަނާގެ ދަހިވެތި ނަޒަރު ފިރުމައިލިއެވެ.
“ހިނގާ ދެން އިންނަން އުޅެމާ!” އާދަނާ ތެދުވެ ހައްވާދިޔެގާތު އިށީނދެ، އޭނާގެ މޫނަށް ބަލައިލީ، އެ މޫނުގެ ރީތިކަމުގެ ޖާދޫގައި ވަރަށް ރަނގަޅަށް ޖެހިފައިވާ ކަހަލަ ގޮތަކަށެވެ. “ހައްވާދިޔެއާ ވަކީން އުޅޭން މިހާރު ވަރަށް އުނދަގޫ! ދެން އިންނަން ހިނގާ ދޯ!” ވައިއަޑުން ބޭރުވި، އާދަނާގެ ފަހު ޖުމުލައަށް، އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއިރު، ހައްވާދިޔެ އިންތަނަށް ވިރެމުންދާ ކަހަލައެވެ.
ޖެހިގެން އައި ހަފުތާގެ ހޯމަދުވަހުގެ ރަނގަޅު ސާޢަތެއްގައި، އާދަނާއާއި ހައްވާދިޔެގެ ކައިވެނި ކުރެވިއްޖެއެވެ. އެ ކައިވެނީގެ ޚަބަރު ލިބުމުން، ރަށުގެ ޒުވާން އަންހެން ކުދީންގެ ތެރެއިން އެތައް ކުއްޖަކު ކަރުނަ އެޅިއެވެ. ނުކައި ނުބޮއި އުޅުނު ކުދީން ވެސް ތިއްބޭ ކިޔާ އަޑުއިވުނެވެ. ހަސަދައިން އަނދަންފެށި ހިތްތައް ވެސް މަދެއް ނުވާނެއެވެ. އެހެންނަމަވެސް އެ ދެމަފިރީންގެ މޫނުމަތީން ފެންނާން ހުރީ، އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ދުނިޔެމަތީގެ ހުރިހައި އުފަލެއް އެކުއެކީގައި އެ ދެމަފިރިންނަށް ލިބިފައިވާ ކަހަލައެވެ.
ޖެހިގެން އައި ދުވަހު އާދަނާ މަހަކަށް ނުދެއެވެ. އަލަތު ކައިވެނީގެ އުފަލުގައި، ހައްވާދިޔެއާއެކު ވަގުތު ހޭދަކޮށްލަން މަޑުކުރީއެވެ. އޭނާ ވަނީ ކައިވެނީގެ ކުރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައެވެ. ރަނގަޅު އާމްދަނީއެއް އެއްކޮށްފައެވެ. ބޭނުމަކީ ކައިވެންޏަށްފަހު، މަހަށް ފަރަށް ނުގޮސް، ރަށުގައި މަޑުކޮށްލުމެވެ. ހައްވާދިޔެއާއެކު އުފާވެރި ދުވަސްކޮޅެއް ހޭދަކޮށްލުމެވެ. ކައިވެނީގެ އުފަލާއި ލައްޒަތު، އެންމެ އެދެވޭގޮތުގައި ފުރިހަމައަށް ލިބިގަތުމަށް ޓަކައެވެ.
“ކަތިއްބެއްޔާގެ ފުތާގެ މަސްއޮޑި، ވަކަރު ކަނޑަން މާދަމާ މުލަކަށް ފުރަން އުޅޭ ވާހަކަ އަޑު އެހިން. ހިނގާ އެ މީހުންނާއެކު މުލަކަށް ގޮސްލަން.” ހަވީރު އޮޅުއަލަ ދަނޑުގައި އަލަކޮންނާން އާދަނާ އިންދާ، ހައްވާދިޔެ އައިސް އާދަނާ ގާތު އިށީނދެ، އާދަނާގެ ކޮނޑުމަތީގައި އަތްބާއްވައިލަމުން، ލޯބިގޮތަކަށް ހިނިތުންވެލިއެވެ.
“ކިހާއިރަކު؟” ހައްވާދިޔެގެ ހަނދެއް ފަދަ މޫނަށް އާދަނާ ބަލައިލިއެވެ.
“މާދަމާ ހެނދުނުހެން ހީވަނީ.”
“ހައްވަ ދާހިތްވަންޏާ އަވަހަށް ތައްޔާރުވޭ! އަހަރެން ކެޔޮޅު އަހުމަދުދީދީއާ ވާހަކަ ދައްކައިގެން، ދެވޭގޮތް ހަމަޖައްސާނަން.” އާދަނާ ތެދުވެ ހައްވާދިޔެގެ ކޮނޑުމަތީގައި އަތް ބާއްވާލައި، ގަޔާ ކައިރިކޮށްލިއެވެ. އާމިންދިޔަ އެ ތަނަށް އައީ އެވަގުތުއެވެ.
“ކާކުގާތު ކޮންވާހަކައެއް ދައްކާން ތިޔަ އުޅެނީ؟” ދެ ކުދިން ތިބިގޮތުން އެ ދިމާއަށް ނުބަލައި ހުރެ އާމިންދިޔަ އަހައިލިއެވެ.
“ފުތާގެ މަސްއޮޑި މާދަމާ މުލަކަށް ވަކަރުކަނޑަން ދާތީ، އެ މީހުންނާ އެކު މުލަކަށް ގޮސްލަންކަމަށް. ދޯ ހައްވާ!” ވާހަކަދެއްކީ އާދަނާއެވެ.
މުލަކަށޭ؟” އާމިންދިޔައަށް އަހައިލެވުނެވެ.
“ކިހިނެއްވީ؟” މަންމަ އަހައިލިގޮތުން ހައްވާދިޔެއަށް އަވަސްއަވަހަށް އަހައިލެވުނެވެ.
“ތީ ރަނގަޅުކަމެއް ނޫން!” އާމިންދިޔަގެ މޫނުމަތީން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔައެވެ.
“އެއީ ކީއްވެ މަންމާ؟ މުލަކަށޭ ދަނީ. އެއީ އެހައި ދުރެއް ވެސް ނޫނެއްނު! އެންމެ އަވަހަށް އަންނަ އެއްޗަކުން އަންނާނަމޭ!” ހައްވާދިޔެ ގޮސް މަންމަގެ ގާތަށް ހުއްޓި، ކުޑަކުއްޖަކު ފަދައިން ކުސްތަޅަންފެށިއެވެ. މަންމަގެ ކުރިމަތީގައި އޭނާ ހީވަނީ އަދިވެސް ތުއްތު ކުއްޖެއްހެންނެވެ. ބޮޑުވުމަކުން، މީހަކާ އިނުމަކުން، ބަދަލެއް ނާދެއެވެ. އެންމެ ދަރިއަކު އިނީތީ، އާމިންދިޔައަށް އޭނާ ގެންގުޅެވެނީ ވެސް އެ ފަދަ ގޮތަކަށެވެ.
“މީހުން ދައްކާ ވާހަކައެއް ދަރިފުޅުމެންނަކަށް ނީވޭތަ؟” އާމިންދިޔަ ސުވާލުކުރީ، ފެށިގެން އުޅޭ ހަނގުރާމައާ ބެހޭގޮތުން އިވެމުންދާ އަޑުތަކާ ގުޅުވައިގެންނެވެ.
“ކޮން ވާހަކައެއް؟” އާމިންދިޔަގެ މޫނަށް ހައްވާދިޔެ ބަލައިލިއެވެ.
އާމިންދިޔަ އޮޅުންފިލުވައިދިނެވެ. ހަނގުރާމައިގެ ހޫނުކަން ފެތުރެމުން ގޮސް، ޖަޕާނުގެ ނުފޫޒާއި ބާރު މުޅި އިރުމައްޗަށް ފެތުރިގެން ދިޔަ ވާހަކައެވެ. އިންޑިޔާކަނޑުގެ ރައްކާތެރިކަމަށް ޓަކައި އޮޅުދޫކަރަ ދިފާޢީ މަރުކަޒަކަށް ހަދާފައި ވަނިކޮށް، ޖަޕާނުން އޮޅުދޫކަރައަށް އެތައް ގެއްލުންތަކެއް ދިން ވާހަކައާއި އައްޑުއަތޮޅަށް ވެސް ޖަޕާނު ސިފައިން ހަމަލާއެއް ދީފާނޭކަމުގެ ބިރު އޮތް ވާހަކައެވެ.
“ރަނގަޅު ވާހަކައެއް މަންމަ އެ ދައްކަނީ.” އާދަނާ މަޑުމަޑުން ހައްވާދިޔެ ގާތު ބުނެލިއެވެ.
“މަންމާ! އެހައި ކަންބޮޑުނުވެބަލަ! އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ!”
ދުވަސްވަރުގެ ނުރައްކާތެރިކަން، ހައްވާދިޔެގެ ސިކުނޑިއަށް ވިސްނޭހެނެއް ހިޔެއް ނުވެއެވެ. އޭނާ ދުލެއް ނުކުރިއެވެ. ގޮތް ދޫކުރަން ޖެހުނީ އާމިންދިޔައަށެވެ. ހައްވާދިޔެ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން، ހިތާ ދެކޮޅަށް ނަމަވެސް އެންމެ ފަހުން އޭނާ އެއްބަސް ވެއްޖެއެވެ. އެ ދަތުރަށް އާނ ބަސް ބުނެފިއެވެ. ހައްވާދިޔެ އުފަލުން ވަރެއް ނެތެވެ. ނަށައިގަންނަމުން، މަންމަގެ ގައިގައި އޮޅުލައިގަތެވެ. ދެ ޢީދު އެއްފަހަރާ ލައިގަތްކަހަލައެވެ. އާދަނާ ހިނިއައިސްފައި، އެ ދެ މައިންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ދެ މައިން އެކަކު އަނެކަކުދެކެ އެ ވަނީ ކޮން ފަދަ ލޯތްބެއް ހެއްޔެވެ؟ އެކަމާ އާދަނާ ވަރަށް އުފާވެއެވެ. ބައެއް ފަހަރު ކަންބޮޑު ވެސް ވެއެވެ. އެހެން އުޅެނިކޮށް، އެކަކަށް ކަމެއް ވެއްޖިއްޔާ އަނެކަކަށް ވާނެ ގޮތް ހިތަށް އަރާފައެވެ. އެ ފަދަ ދުވަހެއް ނުދައްކަވާށިއެވެ.
އާމިންދިޔަގެ ހިތަކަށް އެ ދުވަހަކު، އެ ރެއަކު ހަމަޖެހުމެއް ނުލިބެއެވެ. ފާޑަކަށް ހިތް ނުތަނަވަސް ވަނީއެވެ. ހިތް ބިރުގަންނަނީއެވެ. އުމުރުން ފަސް އަހަރުން ފެށިގެން، ބައްޕައަކާ ނުލައި އޭނާ ހައްވާދިޔެ ގެންގުޅެ ބޮޑުކުރީ، އަތްގޮށީގައި އިންދައިގެން ހައްދަމުން ގެންދިޔަ ފިނިފެންމާ ކުރިއެއް ފަދައިންނެވެ. އަމިއްލަ ދެ ލޮލަށް ނުބަލާވަރަށް ބަލައިގެންނެވެ. ހިތުގައިޖެހޭ ފަދަ ކަމެއް، އަނިޔާއެއް ލިބިދާނެ ފަދަ ހާލަތެއް ކުރިމަތިވިޔަ ނުދީއެވެ. ވީއިރު، މި ކަހަލަ ދުވަސްވަރަކު، އޭނާއާ ވަކީން، ހައްވާދިޔެ ކަނޑުމައްޗަށް އެރުން، އޭނާގެ ހިތަށް ކެތްވާވަރުގެ ކަމަކަށް ވާނޭ ހެއްޔެވެ؟
“ދަރިފުޅާ! ދަރިފުޅު ދިޔައިމަ މަންމަ ހާދަ އެކަނިވާނޭ! އެ ރަށުގައި މާ ގިނަ ދުވަހު މަޑުކުރަން ނުހަދައްޗޭ!”
ހައްވާދިޔެ ފުރަން ދިޔުމަށް ޓަކައި، ގެއިން ނިކުންނަން ހިނގައިގަތުމުން، އާމިންދިޔަ އައިސް، ހައްވާދިޔެގެ ދެ އަތުގައި ހިފެހެއްޓިއެވެ. މަންމަގެ ދެ އަތް ފިނިވެފައިވާލެއް ބޮޑުކަމާއި، އޭނާގެ ގައިން ދޫކޮށްލަން ބޭނުން ނުވެފައި ހުރި މިންވަރު، އޭނާއަށް އިހުސާސްކުރެވުނެވެ. އެ ދެ އަތުގައި ތުރުތުރެއް އެކުލެވިފައިވާކަން ވެސް ވަޒަންކުރެވުނެވެ.
ހައްވާދިޔެގެ މޫނަށް ބަލައިލުމާ އެކު، އާމިންދިޔަގެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް އޮހިގެންފިއެވެ. ރޮވިއްޖެއެވެ. އެއާއެކު ދެން ފެނުނީ ހައްވާދިޔެގެ ގައިގައި ބާރަށް ބައްދައިގަތްތަނެވެ. ހީވަނީ ލޯބިވާ ދަރިއަކު، މުޅި އުމުރަށް ވަކިވެގެން ދާން އުޅޭތީ އުޅޭހެންނެވެ.
މަންމައަށް އަސަރުކޮށްފައިވާ މިންވަރު ފެނުމާ އެކު، ހައްވާދިޔެއަށް ވެސް ރޮވިއްޖެއެވެ. އޭނާ ދެކެ މަންމަ ވާ ލޯތްބާއި، އޭނާއަށް ދެރަގޮތެއް ވެދާނެތީ މަންމަ ކަންބޮޑުވާ މިންވަރު އިޙުސާސްކުރެވިފައެވެ. އޭނާއާ ނުލައި މަންމައަށް އުޅެން ދަތިވާނެވަރު ހިތަށް އަރާފައެވެ. ދަތުރު ދިޔުމާ މެދު އޭނާގެ ފިކުރު ދެކަފިވިއެވެ.
“މަންމަ ތިހާ ދެރަވަންޏާ އަހަރެން މި ދަތުރަކު ނުދާނަން!” މަންމަ ދޫކޮށްލާފައި ދާން ހައްވާދިޔެއަށް އުނދަގޫވެއްޖެއެވެ.
“ނޫނޭ ދަރިފުޅާ! ދަރިފުޅު އެހައި ދާހިތުން ރޭވި ދަތުރެއް ދެން ދޫކޮށްލާނެކަމެއް ނެތް!” އާމިންދިޔެގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. “އިރާދަކުރެއްވިއްޔާ މަންމަ ކެތްކުރާނަން! ދަރިފުޅުމެންނަށް ދެރަގޮތެއް ނުވުމަށް އެދި ދުޢާ ވެސް ކުރާނަން.” އާމިންދިޔަ ދެ ލޯ ފޮހެލިއެވެ. “އާދަނާ! ވަރަށް ރަނގަޅަށް މި ދަރިފުޅު ބަލާތި އިނގޭ! އޭނަ އަދި ދުވަހަކު ވެސް ކަނޑުމައްޗަކަށް ނާރާ. ފަހަރެއްގައި ކަނޑުމައްޗަށް ވަރަށް ބަލި ވެސް ވެދާނެ! ހޮޑު ވެސް ލައިފާނެ! ވަރަށް ބޮޑަށް ސަމާލުވާތި!” އާމިންދިޔަ ދެ ލޯ ފޮހެލުމާ އެކު، އަނެއްކާވެސް ކަރުނަ އޮހިގެންފިއެވެ.
“އަހަރެންގެ އަމިއްލަ ނަފުސަށްވުރެ ވެސް ބޮޑަށް ހައްވައަށް ބަލާނަން! އަހަރެން ސަލާމަތުން ހުއްޓާ ދެރަ ގޮތެއް ވިޔަކަ ނުދޭނަން! ޔަޤީންކުރޭ މަންމާ!”
އާމިންދިޔަ ކަރުނަ ފޮހެލަމުން ބޯ ޖަހައިލިއެވެ. އެއަށްފަހު، ހައްވާދިޔެގެ އަތުގައި ހިފައިގެން، އަތިރިމައްޗަށް ދިޔުމަށް ޓަކައި ހިނގައިގަތެވެ. ހައްވާދިޔެ އަތުގައި އޮތް ބޮކުސާ އޭރު ހުރީ އާމިންދިޔަގެ ކިހިލީގައެވެ. އެ ދެ މައިންގެ ފަހަތުން އާދަނާ ވެސް ހިނގައިގަތެވެ. އޭނާގެ ބަނބުކެޔޮ ލަކުޑީގެ ފޮށި، ކޮނޑުމަތީގައި ބަހައްޓާލައިގެންނެވެ.
ދުވަހަކީ ހިޖުރީ ސަނަތުން 1362 ވަނައަހަރު ޝަޢުބާން މަހުގެ 2 ވަނަ ދުވަހެވެ. ހެނދުނު ނުވައެއްޖަހައި އެހައިކަންހައި އިރު، ހައްވާދިގެ ދެމައިންނާއި އާދަނާ މަޑު ހިނގުމެއްގައި ގޮސް، ރަށުގެ އުތުރުފަރާތު އަތިރިމައްޗަށް ފޭބިއެވެ. ދުވަހަކީ، ހެޔޮވަރު ވަރަކަށް ވައިޖެހެމުން ދިޔަ އުޑުމަތި ސާފު ދުވަހެކެވެ. މުލަކަށް ދިޔުމަށް ހަމަޖެހިފައިވާ އޮޑި، މާތޮޑާ ފަޅުގައި ދަތުރަށް ވެފައި އޮތެވެ. އޭރު މުލަކަށް ދާ މީހުން ފޮށިވަށި ހިފައިގެން، އަތިރިމައްޗަށް ޖަމާވަމުން އާދެއެވެ.
ކެޔޮޅު އަހުމަދުދީދީ އައުމާ އެކު، އެންމެން އޮޑިއަށް އަރާން ފަށައިފިއެވެ. ހައްވާދިޔެ ވެސް މަންމައާ އެންމެ ފަހުގެ ސަލާންކޮށްލައި ބައްދާލުމަށްފަހު، އާދަނާގެ ފަހަތުން އޮޑިއާ ދިމާއަށް ހިނގައިގަތެވެ. އޭރު އާމިންދިޔަގެ ލޮލުން ކަރުނަ ހިލެމުން އާދެއެވެ. ވަރަށް ހިތްވަރުކޮށްގެން ހުއްޓާ ވެސް އޭނާއަށް ރޮވޭގޮތް ވެއްޖެއެވެ. އެރެހައްޓާން އައިސް ތިބި މީހުންނަށް މި މަންޒަރު ނުދައްކާން، އޭނާ އެއްގަމަށް ހިނގައިގަތެވެ. ގޮސް މަޑުކޮށްލީ މަގުގެ އެއް ފަރާތުގައި ހުރި ރުކެއްގެ ދަށުގައެވެ.
އެންމެން އޮޑިއަށް އަރައި ނިމިއްޖެއެވެ. ހައްވާދިޔެއާއި އާދަނާގެ އިތުރުން، އެގާރަ މީހަކު އެ އޮޑީގައި ތިއްބެވެ. ފަސްދޮޅަސް ފަސް އަހަރުގެ އަލިބެއްޔާ ފިޔަވައި ހައްތާވެސް ތިބީ، އަށާރަ އަހަރާއި ތިރީސް ފަސް އަހަރާ ދެމެދުގެ ޒުވާނުންނެވެ. ހައްވާދިޔެ ފިޔަވައި އަންހެނަކު ނެތެވެ.
އޮޑީގެ އެއްގަމުވާ މޮހާލައިފިއެވެ. ވާ ދަމާ އޮޑިއަށް އަރުވަން، ދިރުނބާކޮޅުގައި އެކަކު ގުދަށް އޮތް އިރު، އަލިފުތާއާއި އެޅެފުތާގެ މުހައްމަދާ، ހަންޖަލުގައި ހިފައިގެން، ތައްޔާރުގައި ތިއްބެވެ. ހުންގާނުގައި ހުރި ކެޔޮޅު އަހުމަދުދީދީގެ އިޝާރާތަކަށް ބަލަބަލައެވެ. އޭރު ރިޔާ އޮތީ ނަގަން ތައްޔާރުކޮށް، ކަފިގަނޑުމަތީގައި ބާއްވާލައިފައެވެ.
“ވާ ނެގިއްޖެއްޔާ އޮޑި އަނބުރާލާ!”
އަހުމަދުދީދީގެ މި ޖުމުލައާއެކު، ރެކިފުތާ ރިތެއް ހިފައިގެން ކޮޅުފަސްކޮޅަށް ޖެހިލިއެވެ. އިސާހިތަކު ދިރުނބާކޮޅު ބޭރަށްވާ ގޮތަށް އޮޑި އަނބުރާލައިފިއެވެ. ހަންޖަލުގައި ތިބި ދެ މީހުން، އަހުމަދުދީދީގެ އިޝާރާތަށް ރިޔާނަގައި ކުނބުކުރީގައި ޖައްސައިފިއެވެ. ދަންމާނުގައި ހިފައިގެން ހުރި އާދަނާ އަވަސްއަވަހަށް ދަންމާނުބުޅީގައި ދަންމާނު އަޅުވާލުމަށްފަހު، އަހުމަދުދީދީ އަތަށް ދަންމާނުގެ ކޮޅު ފޯރުކޮށްލައިފިއެވެ. ރިޔަލުގައި ވައި އަޅައިފިއެވެ. ދަންމާނަށް ދަމާ ވާންކޮށްލުމާއެކު އޮޑި ދުވެގެންފިއެވެ. މިސްރާބު ހުރީ ބޮޑުނެރާ ދިމާއަށެވެ.
މާތޮޑާ ބޮޑު ނެރުން ނިކުމެގެން، މުލަކަށް ހޭރިޔާކުރަމުން ދިޔަ އޮޑިއާ ދިމާއަށް ބަލަން، އަތިރިމަތީގައި ހުރި އާމިންދިޔަގެ ދެ ލޮލުން، ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުންދެއެވެ. އޭނާގެ ހިތް އޮތީ ނުތަނަވަސްކަމުގެ ފުން ކަނޑަކަށް ފެތިފައެވެ. އޭނާ ގެންދިޔައީ ހިތާހިތުން ދުޢާ ކުރަމުންނެވެ. ދަރިފުޅަށް ދެރަގޮތެއް ނުވުމަށް އެދިއެވެ. ވީ އެންމެ އަވަހަކަށް ސަލާމަތުން އައިސް އޭނާއާ ބައްދަލުވުމަށް އެދިއެވެ. ދުވަސްވަރުގެ ގޮތުން އޭނާ ބިރުގަންނަނީއެވެ.
އޮޑީގެ މަޅުމަތީގައި، އާދަނާގެ ކޮނޑުގައި ބޯއަޅާލައިގެން އިން ހައްވާދިޔެ ވެސް އިނީ ރޮވިފައެވެ. އޭނާގެ ކަރުނައިން ފޯވެފައިވާ ދެ ލޯ ހުއްޓިފައިވަނީ، ގޮނޑުދޮށުގައި ހުއްޓުން އަރާފައި ހުރި މަންމައާ ދިމާއަށެވެ. އޮޑި ފައްސިޔަ ވައިގައި ދުވަމުން، ރަށާ ފެއަށް ޖެހެމުން ދިޔަ ވަރަކަށް، މަންމަގެ ސޫރަ ކުޑަވަމުން ފުސްވަމުން ދެއެވެ. އެންމެފަހުން އޭނާގެ ލޯ މަތީން މަންމަ ގެއްލިއްޖެއެވެ. ހައްވާދިޔެއަށް ލޯ މަރައިލެވުނެވެ. އެއާއެކު އެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް ކޯތާފަތްމަތީން ތިރިއަށް އޮހިގަތެވެ.
މޫސުން ރީތި އުޑުމަތި ސާފު ދުވަހެއްކަމުން، ނިޔާމަ ދަތުރަކަށްފަހު، އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، އާދަނާމެންނަށް ފުވައްމުލަކަށް ދެވިއްޖެއެވެ. އެހެންނަމަވެސް އެ ރަށަށް ފޭބުން ފަސޭހަ ކަމަކަށް ނުވިއެވެ. ފުއްޓަރުން ނަގާ ބިޔަ ރާޅުތަކާ ހަނގުރާމަކުރާން ޖެހުމުންނެވެ. އަޅާފައި ހުރި ގަދަފަދަ އޮއިވަރާ ދެކޮޅަށް މަސައްކަތްކުރާން ޖެހުމުންނެވެ. ފުރާނަ ނަގައި އަތްމައްޗަށް ލައިގެން، ކުރެވުނު ގަދަ ހިތްވަރާއެކު، އެންމެންނަށް އެ ރަށަށް ފޭބިއްޖެއެވެ. އެކި ފަހަރުމަތީންނެވެ.
އެ ރަށަށް ފޭބުމަށްފަހު، ހައްވާދިޔެ ގޮވައިގެން އާދަނާ ދިޔައީ، އޭނާގެ ގާތް އެކުވެރިއެއްކަމަށްވާ، މުހައްމައިދީގެ ގެއަށެވެ. ދަނޑިފަނުން ހަދާފައި ހުރި އެ ގެއަކީ، އާދައިގެ ކުޑަ ގެއެކެވެ. އެހެންނަމަވެސް އޭނާގެ ފެންވަރުން އާދަނާގެ ދެމަފިރިންނަށް ވަރަށް ހެޔޮކޮށްހިތައި ކަމޭ ހިތިއެވެ. ރަނގަޅަށް މެހެމާނުދާރީ އަދާކުރިއެވެ. ނިދޭނެގޮތާއި ފެންވެރޭނެ ގޮތް ހަމަޖައްސައިދިނެވެ.
އޮޑީގެ މީހުން ކޮންމެ ދުވަހަކު ވެސް، ދުވާލުގެ ވަގުތުތައް ހޭދަކުރަނީ، ފުވައްމުލަކުގެ ވަލުތެރޭގައެވެ. ރުއް ކަނޑައި، ބުރިކޮށް، ރުއްގުޅިތައް މަގަށް ނެރުމުގެ ބުރަ މަސައްކަތުގައެވެ. އާދަނާ ވެސް ބައެއް ދުވަސްދުވަހު އެމީހުންނާ އެކު އެ މަސައްކަތުގައި ބައިވެރިވެލާން ދެއެވެ. ރޭގަނޑުގެ އިރާކޮޅުގެ ވަގުތުތައް ހޭދަކުރަނީ، ރައްޓެހީންނާ ބައްދަލުކޮށް، ދުފާ ދުންބޮއި ހެދުމުގައެވެ. ޢިޝާނަމާދަށްފަހު އޮންނަނީ ކައިގެން ނިދުމެވެ.
މިކަހަލަ ގޮތަކަށް ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް، ހަފުތާ ދެ ހަފުތާއަށް ވެއްޖެއެވެ. ދަތުރު މިހާ ދިގުލައިފާނޭކަމަކަށް، ހައްވާދިޔެ އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ. އޭނާ ހީކުރީ، އެންމެ ގިނަވެގެން ވެސް ހަފުތާއެއްގެ ތެރޭގައި އެނބުރި ރަށަށް ދެވޭނޭކަމަށެވެ. ދަތުރު މާ ބޮޑަށް ދިގުލާން ފެށުމުން، އޭނާގެ ހިތުގެ ނުތަނަވަސްކަން ވަރަށް ބޮޑުވެއްޖެއެވެ. މަންމަ އެކަނިވާނޭ މިންވަރާއި ކުރާނޭ ހިތާމަ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު، ލޮލުން ކަރުނަ ހިލެއެވެ. އެންމެ ދެރަ ވަނީ މަންމަގެ ހާލެއް ނޭނގޭތީއެވެ. ބަލައިލެވޭނެ ގޮތެއް ވެސް ނެތީމައެވެ. އެ މީހުންގެ ހާލެއް ނޭނގޭތީ މަންމަ ވެސް އުޅޭނީ ވަރަށް ބޮޑު ހިތާމައެއްގައިކަން ހައްވާދިޔެއަށް އެނގެއެވެ.
ހައްވާދިޔެގެ ހިތަށް ދަތިކުރަމުން، މެޔަށް ތަދުކުރަމުން ގޮސް، ޝަޢުބާންމަސް ނިމިއްޖެއެވެ. ރަމަޟާންމަސް ފެށިއްޖެއެވެ. ހައްވާދިޔެއަށް މިކަން ވީ ކެތްކުރަން ދަތި ކަމަކަށެވެ. ރަމަޟާންމަހު މަންމަ އެކަނި އުޅެން ޖެހުމުން، މަންމައަށް ހާދަ އުނދަގޫވާނެއެވެ. ހާދަ އެކަނިވެރިވާނެއެވެ. ހާރު ކެއުމާއި ރޯދަ ވީއްލުން ފަދަ ކަންކަމުގައި ބައިވެރިވެލާނެ މީހަކު ނުހުންނާނެއެވެ. އޭނާ ނެތުމުގެ ހިތާމަ މަންމަ ވަރަށް ބޮޑަށް ކުރާނެއެވެ. އޭނާގެ މަތިން ހަނދާންކޮށްފައި ހާދަ ރުއިމެއް ރޯނެއެވެ. މަންމަގެ ބަސް އަހައިގެން ރަށުގައި ހުރެވުނު ނަމައެވެ. މި ދަތުރުގައި ބައިވެރި ނުވެވުނު ނަމައެވެ.
“އަދިވެސް ވަރަށް ގިނަދުވަސްވާނެތަ؟” އެރޭ ހާރުކައިގެން ނިދާން އޮށޯވެފައި، އާދަނާގާތު ހައްވާދިޔެ އެހިއެވެ. ފިކުރުބޮޑުވެ ކަރުނަ ހިލިފައި އޮވެއެވެ.
“ދެން ދެ ދުވަހެއް ތިން ދުވަހެއްގެ ތެރޭގައި ފުރޭވަރުވާނެ. ކަންބޮޑުނުވޭ!” އާދަނާ އުޅުނީ ހައްވާދިޔެގެ ހިތަށް ލުޔެއް ހޯދައިދެވޭތޯއެވެ.
“މިހާދުވަސް ވީއިރު ވެސް، ރަށުން ހަމަ އެންމެ އޮޑިއެއް ވެސް ނާންނަނީތަ؟”
“އާނ! ނާދޭ! ކޮންމެ ދުވަހަކު ވެސް ބަލަން އޮޑިއެއް އާދޭތޯ! މިހާރު މާ ގިނަ ދުވަސް ވެއްޖެވިއްޔަ ދޯ! ދެން އަވަހަށް ނިދާ! އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއް ނުވާނެ!”
އާދަނާ އަބަދުވެސް ހުންނަނީ ހައްވާދިޔެއަށް ހިތްވަރު ދީދީއެވެ. މިހާދުވަހު އޭނާއަށް ކެތްކުރެވުނީ ވެސް އާދަނާގެ ހިތްވަރާއި އޯގާވެރި ބަސްތަކުގެ ސަބަބުންނެވެ. އެހެންނޫން ނަމަ މިހާރު ހައްވާދިޔެގެ ކެތްތެރިކަން ކޮޅުންލައިފީހެވެ.
“މަންމަ އުޅޭ ހާލެއް ނޭނގޭތީ އެންމެ ދެރަވަނީ. އިނީ ގަދަވެ ކަމެއް، އުޅެނީ ބަލިވެ ކަމެއް ވެސް ނޭނގޭ” ހައްވާދިޔެއަށް ރޮވިއްޖެއެވެ. އޭނާއަށް އެރޭ ނިދުނީ މަންމަގެ ހަނދާނުގައި ރޮއިރޮއި އޮއްވައެވެ. ނިދޭންދެން އާދަނާ އޮތީ، ހައްވާދިޔެގެ ގައިގައި ފިރުމައިލަ ފިރުމައިލައެވެ. ހިތްވަރުގެ ބަސްތައް ތަކުރާރުކޮށްލަކޮށްލައެވެ.
މިއަދަކީ ރަމަޟާންމަހުގެ ހަވަނަ ދުވަހެވެ. ހައްވާދިޔެގެ ދިގު އިންތިޒާރަށް ނިމުންއައި ދުވަހެވެ. އޭނާގެ މޫނުމަތިން މިއަދު ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. ރައްޓެހީންގެ ފަރާތުން ލިބިފައި ހުރި ހަދިޔާ ބަދިޔާ، އޮޑިއަށް އަރުވައިގެން، މާތޮޑާއަށް ދިޔުމަށް ޓަކައި، ހެނދުނު ހެނދުނާ ކަހަލަ ގޮތަކަށް މުލަކުން އޮޑި ފުރައިފިއެވެ.
އޮޑިއަށް އެރީއްސުރެ ހައްވާދިޔެ އިންތިޒާރުކުރަމުން އަންނަނީ، ރަށަށް ލެފޭނޭ އިރަކަށެވެ. އޭނާ އިނީ ވަގުތު ގުނާލަގުނާލައެވެ. މަންމަ އޯގާވެރި މޫނު ދެކިލައިހިތުން ކެތްމަދުވެފައެވެ. މަންމަގެ ގައިގައި ލޯތްބާ އެކު ބައްދާލައި، ހިތް ފުރޭންދެން ވާހަކަ ދައްކާލަން ނިހާޔަތަށް ބޭނުންވެފައެވެ.
ދުވަހަކީ އުޑުމަތިސާފު ރީތި ދުވަހެކެވެ. މަތިން ފެންނާން އޮތް ސާފު ނޫއުޑުން ހާފުސްކޮޅަކަށް ވެސް ޖާގައެއް ނެތް ކަހަލައެވެ. ފުންމިން އެނގުމެއް ނުވާ ނޫކަނޑުގައި، ބޮޑެތި ރާޅުތަކަކަށް ފުރުޞަތެއް އަމުދުން ނެތެވެ. މެދުރިޔަލުގައި ފަސޭހަކަމާ އެކު، ދުއްވާލެވޭ ވަރަށް ޖެހެމުން އައި ވައިރޯޅި ހުރީ ދިމާ ދެކުނުގައެވެ. ކަނޑު ހިތަކަށް ލިބިފައިވާތީ، އެއް އަރިއަކަށް ކަހަލަ ގޮތަކަށް އޮވެ، އޮޑި ދުވަމުން ދިޔައީ، ކަނޑުގައި ބޯ ހިއްލާލައިގެން ތިބި ކުދިކުދި ރާޅުތަކާ ސަމާސާކުރަމުންނެވެ. ދަތުރުގެ ބައިވެރީންނަށް ހިތްފަސޭހަ ދަތުރެއް ހަދިޔާ ކޮށްދިނުމުގެ ނިޔަތުގައެވެ.
ގުދުރަތުގެ ހިތްގައިމު މަންޒަރުތަކަށް ގެއްލިފައި އިން ހައްވާދިޔެގެ ގައިގައި، ޖެހި ފިތިގެން ކަހަލަގޮތަކަށް، އޭނާގެ ލޯބިވާ ފިރިމީހާ އާދަނާ އިނެވެ. އަލިފުތާއާއި އެޅެފުތާގެ މުހައްމަދާއާ ދެ ޒުވާނުން ކޮޅުފަސްކޮޅުގައި ނަނު ދޫކޮށްގެން، ރާގޮނޑިއެއް ނަމަވެސް، ޖެހޭނޭ ވަގުތެއްގެ އިންތިޒާރުގައި ތިއްބެވެ. މުޅިއެކު 13 މީހުން ތިބި މި އޮޑީގައި، ގިނަ މީހުން ތިބީ، އެކި ތަންތަނުގައި ޖައްސާލައިގެންނެވެ. ރަމަޟާން މަސް ކަމަށްވާތީ، ކެއުމެއް، ބުއިމެއް، ދުފުމެއް، ބިޑިބުއިމެއް ވެސް ނެތެވެ.
“އޮށޯވެލާންވީނު. ތިހެން އިންނާން ހަދައިގެން ބުރަކަށީގައި ރިއްސާން ފަށައިފާނެ” ހައްވާދިޔެގެ ބުރަކަށީގައި، އާދަނާ އަތްޖައްސާލިއެވެ.
“ރަށަށް ގޮއްސަ އޮށޯންނާނީ. ދެން މާ ގިނައިރެއް ނުވާނެއެއްނު.” ހައްވާދިޔެ ބޯއަޅައިލީ، އާދަނާގެ ކޮނޑުގައެވެ. އާދަނާ އިނީ ހައްވާދިޔެގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލައެވެ. ދެމަފިރީންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ފުވައްމުލަކުގައި ހޭދަކުރެވުނު ދުވަސްތަކުގެ ވާހަކަތަކެވެ. ރަށަށް ގޮސް ކުރާނެ ކަންކަމުގެ ވާހަކަތަކެވެ. އަމިއްލަ ދިރިއުޅުމާ ގުޅުން ހުރި އެކިއެކި ވާހަކަތަކެވެ.
ފައްސިޔަ ވައިގައި އޮޑި ދުވަމުންދެއެވެ. މުލަކާ ދުރަށެވެ. އަތޮޅާ ކައިރިއަށެވެ. މުލަކުގެ ގަސްކަރަ މަޑުމަޑުން ފުސްވަމުން، ކަނިލަމުން ގޮސް އޮބައިފިއެވެ. ހުވަދުއަތޮޅު ފެންނާކަށް ދެނެއް ގިނައިރެއް ނުނަގާނެއެވެ. މި ވާހަކަ ހައްވާދިޔެގާތު އާދަނާ ބުނީ، ހައްވާދިޔެގެ ހިތަށް އިތުރު އުފާވެރިކަމެއް ގެނެސްދޭށެވެ. ކަންވީ ވެސް އެހެންނެވެ. އާދަނާ އެހެން ބުނުމާ އެކު، ހައްވާދިޔެގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. މިހާރަކަށް އައިސް މަދު ފަހަރަކު ނޫނީ ނުފެންނަ ހިނިތުންވުމުން، ހައްވާދިޔެގެ ދޮން މޫނު އިތުރަށް އަލިވެގެންދިޔައެވެ.
ގަޑިން ދިހައެއް ޖެހިތާ މާގިނައިރެއް ނުވެއެވެ. ދުނިޔެމައްޗަށް ވެރިވެފައި އޮތް އަމާން އޮމާންކަމަށް ބަދަލެއް އަންނާން އުޅޭކަމުގެ ނިޝާންތައް، އުޑުމަތީން ފެންނާން ފަށައިފިއެވެ. ގަދަ ވިއްސާރައެއް ބޯމަތިވާން އުޅޭކަމުގެ ކުލަވަރު ހުޅަނގުފަރާތު އުދަރެހުން ދައްކާލައިފިއެވެ. މާލިމީއަކަށް ހުރި އަހުމަދުދީދީއަށް، މި މަންޒަރު ފެނުމުން، ފުރަތަމަ މާ ބޮޑުކަމަކަށް ނުހެދިއެވެ. އޮއިކަޅުކަމަށް ނިންމީކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް މަންޒަރު ފެންނަމުން ދިޔައީ، އެހެނެއްނޫނެވެ. ގިނައިރުތަކެއް ނުވެ، އުދަރެހުގެ ކުލަވަރު އެކީއެކަށް ބަދަލުވާން ފަށައިފިއެވެ.
“ވިއްސާރަވިލާ ދޯ އެހެރަ ނަގަނީ؟” ހައްވާދިޔެ އުދަރެހަށް ބަލައިލިއެވެ.
ހައްވާދިޔެ ކަންބޮޑުވެދާނެތީ، އާދަނާ އެއަކަށް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެ ނަގާ ވިލައިން ވާރޭގެ އަސަރު ނުކޮށް ނުދާނޭކަމަށް އާދަނާގެ ހިތް ބުނާން ފަށައިފިއެވެ.
“ވަރަށް ގަދަ ކޮޅިގަނޑެއް ކަންނޭނގެ އަންނާން މި އުޅެނީ. ތިޔަހެން ތިބެގެން ކަމަކުނުދާނެ! އަވަހަށް ތެދުވާން އުޅޭ!” ހުންގާނުގައި ހުރެފައި އަހުމަދުދީދީ ގޮވައިލިއެވެ. އެކި ދިމަދިމާގައި އޮށޯވެ ތިބި މީހުން، އެ އަޑަށް ތެދުވެއްޖެއެވެ. އުދަރެހާ ދިމާއަށް ބަލައިލުމާ އެކު. ކޮންމެ މީހެއްގެ މޫނުމަތީން ވެސް ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ.
“އަވަހަށް މުލަކާދިމާއަށް އަނބުރައިލަންވީނު.” އަހުމަދުދީދީއާ ދިމާއަށް ބަލައިލަމުން ރެކިފުތާ ބުންޏެވެ.
“ކިހިނެއް އަނބުރައިލާނީ؟ އަދިވެސް ވައި އެހުރީ ދެކުނުގަ.”
ހެދޭނެ މާ ބޮޑު ގޮތެއް ނެތެވެ. އަނބުރައިލެވޭކަށް ނެތެވެ. ކުރިމަތީން އަންނަ ބިރުވެރި ކޮޅިގަނޑުގެ ތެރެއަށް ވަނުން ފިޔަވައި، ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
ވިސްނާކަށް، މަޝްވަރާކުރާކަށް ވަގުތެއް ނުލިބުނެވެ. ކޮޅިގަނޑުގެ ވައި، ބޫންއަޑާ އެކު އައިސް ދޯންޏާ ދިމާކޮށްލައިފިއެވެ. އަހުމަދުދީދީ އަވަސްވެގަތީ އޮޑި ދީލައިލުމަށެވެ. ވައި ހުރިގޮތުން އެންމެ ރައްކާތެރިވާނޭކަމަށް ފެންނަ ދިމާއަށެވެ. އަރާ މުރިނގަށެވެ.
ކޮޅިގަނޑުގެ ގަދަފަދަ ވަޔާއެކު، ކަނޑުގެ ލޮނުގަނޑު ކައްކާލައިފިއެވެ. ކުރީން ހުރި ކުދިކުދި ރާޅުތައް އިސާހިތަކު ބިޔަވެ، އުފުލިއްޖެއެވެ. ރާޅުތަކުގެ ތެރޭގައި، އޮޑި އެ ގޮތް މި ގޮތަށް ހަލުވައިގަތް ވަގުތު، ހީވީ އޮޑި ކުދިކުދި ކޮށްލަފާނޭހެންނެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ރޮއިގެންފިއެވެ. ދަންނަހައި ހެޔޮ އެއްޗެއް ކިޔާން ފެށިއެވެ. ނަދުރު ގޮވާން ފެށިއެވެ. އެއްބަޔަކު އަވަސްވެގަތީ، ރިޔާ ތިރިކުރެވޭތޯއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުނުވެގެން އުޅެނިކޮށް، ރިޔާ ކުދިކުދި ވެއްޖެއެވެ. ގިނައިރެއްނުވެ، ވާރޭ އޮއްސާލައިފިއެވެ. ގަދަވަޔާ އެކު ވާރޭގެ ފުށް ބޮޑެތި ތިކިތައް އައިސް، ގައިގައި ތެޅާން ފަށައިފިއެވެ. އޮށްގާތަކެއް އޮހިގަތް ކަހަލައެވެ. ގައިގައި ޖެހޭ ކޮންމެ ތިއްކަކާ އެކު، ފިތް ނަގައިގަނެއެވެ.
ކުއްލިއަކަށް ވިދާލި ތޫނު ވިދުވަރަކުން، މުޅި ސަރަޙައްދު ނޫރުން ފެންވަރުވައިލި ކަހަލައެވެ. މުޅި ހިސާބަށް ހޫނު އަރައިގެން ދިޔައެވެ. ގިނަ އިރުތަކެއްނުވެ، އެހެރަ އިވުނު އަޑުފަށްގަނޑެކެވެ. ދިމާ ބޯމަތިން ބަޑިތަޅައިގަތް ވަގުތު، ކަންފަތްތައް ބައްވި ކަހަލައެވެ. އެންމެން ބިރުން ހޭ ކެނޑޭވަރު ވެއްޖެއެވެ.
ތެމި ފޯވެފައި އިން ހައްވާދިޔެ އިނީ، އާދަނާގެ ގައިގައި އޮޅުލައިގަތްގޮތަށް، ދޫކޮށްލާން ނުކެރިފައެވެ. އާދަނާގެ މޭގައި މޫނުޖައްސައި، ދެ ލޯ މަރައި ފިއްތައިގެންނެވެ. އޭނާގެ މުޅި ހަށިގަނޑު ރޫރޫއަޅައެވެ. އާދަނާ ވެސް އިނީ ބިރުން ކުރާނެ ކަމެއް ނެތިފައެވެ. ހައްވާދިޔެގެ ގައިގައި ބާރަށް ބައްދައިގެން، މި ތޫފާނުން އަވަހަށް ސަލާމަތްކޮށްދެއްވާތޯ ދުޢާ ކޮށްލަކޮށްލައެވެ.
ކަނޑުގައި އުފެދިފައިވާ ގަދަފަދަ އޮއިވަރާއި، ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ބާނިތަކުގެ ތެރޭގައި، އޮޑި ހަލުވަމުން ތަޅުވަމުން ގެންދާއިރު ހީވަނީ، ދެންމެދެންމެ ބަންޑުންޖަހައިލަފާނޭ ހެންނެވެ. ކަނޑުމެދަށް ފުނޑުފުނޑުވެ، ކުދިކުދި ވެދާނޭ ހެންނެވެ. ކޮނޑުގައި ހުރި އަތް ނުފެންނަހައި ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި، ފުރާނަ ނަގައި އަތް މައްޗަށް ލައިގެން، އެންމެން ދުޢާކޮށްލަކޮށްލައި ތިބިއިރު، ހިކިފަސްތަނެއް އަތުޖެހިދާނޭކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.
“އާދަނާ! އަހަރެމެން ދެން ކަނޑުވެ މަރުވާނީތަ؟” އާދަނާގެ ގައިގައި ބާރަށް ބައްދައިގެން، ރޮވިފައި އިން ހައްވާދިޔެއަށް އަހައިލެވުނެވެ. އުއްމީދު ކެނޑިފައި އިނދެއެވެ.
“ތިކަހަލަ އެއްޗެހި ނުކިޔާ! އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ! ވަރަށް އަވަހަށް މި ކަމުން ސަލާމަތްވެވިދާނެ! މީ އެހައި ބޮޑުކަމެއް ނޫން!”
“އަހަރެންގެ ހިތަށް އަރަނީ އަހަންނަށް ދެން މަންމައެއް ވެސް ނުފެންނާނެއޭ!” ބިރުން ގޮސް ހައްވާދިޔެއަށް ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ކަހަލައެވެ.
“ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ! އިރާދަކުރެއްވިއްޔާ މަންމައާ ވެސް ބައްދަލުވާނެ! ދެން މާ ގިނައިރެއްނުވެ، ވިއްސާރަ އަލިވެދާނެ!”
އާދަނާ މަސައްކަތްކުރީ ހައްވާދިޔެއަށް ހިތްވަރުދެވޭތޯއެވެ. އެހެންނަމަވެސް އާދަނާގެ ވާހަކަތަކުން، ހައްވާދިޔެއަށް މި ފަހަރު ހިތްވަރެއް ނުލިބުނެވެ. ހިތަށް ކުޑަކުޑަ ފިނިކަމެއް ވިޔަސް ނުލިބުނެވެ. ވިއްސާރައިގެ ބިރުވެރިކަމާއި ނާމާންކަން އެއަށްވުރެ މާ ބޮޑެވެ. ވިދާ ވިދުވަރުގެ ތޫނުކަމާއި ޖަހާ ގުގުރީގެ ބާރުކަމާއި ވެހޭ ވާރޭގެ ބޯކަމާއި ނަގާރާޅުތަކުގެ ބިޔަކަން، ހައްވާދިޔެއާއި ދެން ތިބި މީހުންގެ ހިތްތައް ތަޅުވަމުން، ފިތްތައް ކަނޑުވަމުން ގެންދަނީ، ދިރި ދުނިޔޭގައި މާ ގިނަ އިރު ތިބެވިދާނޭ ކަމުގެ އުއްމީދެއް ކުރެވޭ ފަދަ ގޮތަކަށް ނޫނެވެ.
އެ ދުވަހުގެ ބާކީ ވަގުތުތަކާއި އެ ރޭގެ ހަތަރު ދަން ކަހަލަ ގޮތަކަށް ދިޔައީ، ވިއްސާރައިގެ ތޫފާނުގެ ތެރޭގައެވެ. ބިރުވެރިކަމާއި ސުންޕާކަމުގެ ތެރޭގައެވެ. ދަތުރުގެ ބައިވެރީންނާ އެކު، އޮޑި ކަނޑަށް ޣަރަޤުނުވީ، ﷲގެ ހެޔޮ ރަޙުމަތާއި އޮޑީގައި ތިބި ފަންވަރު ގަދަ ޒުވާން ކުދީންކޮޅު ކުރި ބުރަ މަސައްކަތުންނެވެ. ދިޔަވަތުގައި ތިބެ، މެދު ނުކެނޑި ކުރި ގަދަފަދަ ހިތްވަރުގެ ސަބަބުންނެވެ. އެހެންނޫން ނަމަ އިރު އެރި އިރު، އެ އޮޑީގެ ނިޝާނެއް ވެސް ކަނޑުމަތީން ނުފެންނާނެއެވެ.
އަނެއް ދުވަހަށް އިރު އެރި އިރު، ވިއްސާރަ މައިތިރި ވެލައިފިއެވެ. ދަތުރު ކޮށްލެވޭވަރު ވެއްޖެއެވެ. އޭރު އޮޑި އޮތީ، ރާއްޖޭގެ އިރުމަތީ ފަރާތުން، ރާއްޖޭގެ ސަރަޙައްދާ ގާތްގަނޑަކަށް ސަތޭކަ ވަރަކަށް މޭލު ބޭރުގައެވެ. އެހެންކަމުން އޮޑީގައި ތިބި މީހުންގެ ތެރެއިން، މަސައްކަތްކުރެވޭ ފަދަ ހާލަތެއްގައި ހުރި ކޮންމެ މީހަކު ވެސް، ގަދަ ހިތްވަރާ އެކު މަސައްކަތް ފެށީ، ރާއްޖެއާ ދިމާއަށް އޮޑި މިސްރާބު ކުރެވޭތޯއެވެ. ރާއްޖޭގެ ރަށެއް އަތުޖެހޭތޯއެވެ.
“ހިނގާ އަވަހަށް ރިޔާ ފެހޭތޯ އުޅެމާ!” އަހުމަދުދީދީގެ މި ޖުމުލައާ އެކު، އެންމެން އަވަސްވެގަތީ، ރިޔާ ފެހުމުގެ މަސައްކަތައިގެންނެވެ. އެންމެ ހަރަކާތްތެރިކޮށް އުޅެގަތީ އާދަނާއެވެ. ވިއްސާރައިގެ ގަދަފަދަ ކޮޅިގަނޑަށް ލުއިކަމެއް ލިބިފައިވާތީ، އެންމެންގެ ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް މަންމަގެ ހަނދާންތަކާއި ޖެހިފައިވާ ގިލަންވެރިކަން ހިތަށް އަރާފައި، ހައްވާދިޔެގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އާދަނާގެ ހިތްވަރުގެ ބަސްތަކުންނާއި އޯގާވެރި ފިރުމުންތަކުން ކޮންމެވެސް ވަރެއްގެ ލުޔެއް ނުލިބޭ ވާހަކައެއް ނޫނެވެ.
ހެދެން އޮތް ވަރަކަށް ރިޔާ ހަދާލައިގެން، ދަތުރަށް ފަށައިފިއެވެ. އެހެންނަމަވެސް އެކަށީގެންވާ ވަރާ ގާތަށް ވެސް ދޯންޏެއް ނުދުވެއެވެ. މެންދުރު ވެއްޖެއެވެ. މެންދުރުން އަނބުރައި، އަސުރުން އިރު ތިރިވެއްޖެއެވެ. ހީއަކަށް ވެސް ރަށެއްގެ މަލަމަތި ފެނިނުލައެވެ. ދުއްވާ އެއްޗެއްގެ ހިލަމެއް ވެސް ނުވެއެވެ. އިރު އޮއްސެމުން ދިޔަވަރަކަށް އެންމެންގެ މޫނުމަތިން ފެންނަ ނުތަނަވަސްކަމާއި ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ.
މިއަދު ވެސް އެންމެން ތިބީ ރޯދައަށެވެ. އެހެންނަމަވެސް، ވާ ހޫނާއި ވަރުބަލިކަމާ ހުރެ، ކެތްނުވާވަރު ވުމުން، ފަހަރަކު މީހަކު ރޯދަ ދޫކުރަމުން ގޮސް، އެންމެން ވެސް ރޯދަ ދޫކޮށްލީއެވެ. މުލަކު ރައްޓެހިންގެ ފަރާތުން ލިބުނު އެކި ބާވަތް ބާވަތުގެ މޭވާއާއި ހަދިޔާތައް އޮޑީގައި ހުރުމުން، ކައިއެއްޗިއްސަކަށް ދަތިކަމެއް ނެތެވެ.
އެ ރެއާއި އަނެއް ދުވަސް ވެސް ދިޔައީ މި ފަދަ ގޮތަކަށެވެ. އުއްމީދުގެ ކުޑަ ވެސް އަލިކަމެއް ނުލިބިއެވެ. އެހެންނަމަވެސް ކޮންމެ މީހަކު ވެސް އައީ އުއްމީދު އައު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ﷲ އަށް ކުރާ ހެޔޮ ދުޢާ އިތުރު ކުރަމުންނެވެ.
ކަނޑުމަތީގައި ދެވޭ ނުދެވޭތަނެއް ނޭނގި، މި ފަދަ ހާލެއްގައި އުޅޭތާ ތިން ވަނައަށްވީ ދުވަހެވެ. އަނެއްކާވެސް ހުޅަނގުފަރާތު އުދަރެސް ބަނަވާން ފަށައިފިއެވެ. އިސާހިތަކު ހަތަރު އުދަރެސް ބައްދާލައިފިއެވެ. ކުރީ ފަހަރަށްވުރެ މި ފަހަރުގެ ވިއްސާރަ މާ ވަރުގަދައެވެ. ނަގޫރޯޅިތައް އެކި ދިމަދިމާއިން ފެންނާންފެށިއެވެ. އޭގެ ބާރުގައި މުޅި ކަނޑު ވަނީ ކައްކާލައިފައެވެ. ކޮޅިގަނޑު ހުރީ ސީދާ އޮޑިއާ ދިމާއަށެވެ.
މި މަންޒަރު ފެނުމާ އެކު، އެންމެންގެ މޫނުމަތީން ވެސް ފެނިގެން ދިޔައީ، ބިރުވެރިކަމާއި ހާސްކަމުގެ އަލާމާތްތަކެވެ. ކުރީ ފަހަރު ކަންދިމާވި ބޮރުވެރި ގޮތް ހިތަށް އެރުމުން ލިބުނު ހާސްކަން ވަކީން ބޮޑުވިއެވެ. އެހެންކަމުން އޮޑީގައި ތިބި އެންމެން ކަހަލަ ގޮތަކަށް، އަވަސް އަވަހަށް މަސައްކަތް ފެށީ، އޮޑިއަށް އަރުވާފައި ހުރި ރުއްގުޅިތައް، ކޮޅިގަނޑުގެ ބިރުވެރިކަން ފޯރުމުގެ ކުރިން، އޮޑިން ބޭރުކޮށްލެވޭތޯއެވެ. ފަހަރަކު ގުޅިއަކުން ގުޅިއަކުން ހުރިހައި ރުއްގުޅިތައް ކަނޑަށް ބޭރުކޮށްލައިފިއެވެ. މި އޮތް ހުރިހައި ދުވަހު ކުރި ބުރަ މަސައްކަތް، ހަމަ އެ އަތްތަކުން ކަނޑުގެ ރާޅުތަކާ ހަވާލުކޮށް ބޭކާރުކޮށްލީއެވެ. އެއަށްފަހު އަވަސް އަވަހަށް ރިޔާދޫކޮށް، އޮޔަށް ވަޔަށް އޮޑި ދޫކޮށްލައިފިއެވެ. އެހެން އެއްވެސް ގޮތެއް ނެތީއެވެ.
ކޮޅިގަނޑުގެ ބާރު ވައި، ބޫން އަޑާއެކު އައިސް ލައިގެންފިއެވެ. މާތްކަލާކޯއެވެ! ކެކިކެކި އޮތް ކަޅު ކަނޑުގެ ތެރޭގައި، އެގޮތް މިގޮތަށް އޮޑި ތަޅުވައިގަތް އިރު ހީވީ، ކުޑަކުޑަ ބޮނބިއަރިއެއް، ރާޅުތަކުގެ ތެރޭގައި އެނބުރެމުންދާ ހެންނެވެ. “ﷲ އަކުބަރު”ގެ އަޑުންނާއި ބަންގީގެ މަތިވެރި ކަލިމަތަކުގެ އަޑުން، އޮޑީގައި އަޑު ބައްދާލައިފިއެވެ. ނަދުރު ގޮވާން ފަށައިފިއެވެ. ދުޢާކުރާން ފަށައިފިއެވެ. ރޮމުން ހޭރެމުންނެވެ.
ކޮޅިގަނޑުގެ ބާރު ވައިރޯޅި އައިސް، ދޯޏަށް ދޭންފެށި ގަދަފަދަ ހަމަލާތައް، ވާރޭގެ ބޮޑެތި ތިކިތަކާއެކު، އިހުނަށްވުރެ ވަރުގަދަ ކޮށްފިއެވެ. އިސާހިތަކު އޮޑީތެރޭގައި ދިޔަގަނޑު ހައްދާލައިފިއެވެ. ދިޔަވަތަށް ދެ މީހުން ފައިބާ ތިބެ، ހުއްޓާނުލައި ހިއްކަމުން ދިޔައިރު ވެސް، އަޑިވާގޮތެއް ނުވެއެވެ.
ކަނޑުމަތީގައި ރާޅުތައް އުފުލިފައި ހުރީ، ބޮޑެތި، ބިޔަ ފަރުބަދަތަކެއް ފަދައިންނެވެ. އެއިން ކޮންމެ ރާޅެއް ވެސް ހޮޅިލަމުން، ދުން ބުރުވަމުން، އޮޑިއާ ދިމާއަށް އަންނަނީ، ރުޅިއައިސް ފުފިފައި ތިބެއެވެ. ގަދަފަދަ ހަމަލާތަކާ އެކު، އެ ކުޑަކުޑަ އޮޑި ޣަރަޤުކޮށްލަން އަންނަ ފަދަ ގޮތަކަށެވެ. އެއިން ކޮންމެ ރާޅެއްގެ މައްޗަށް އެރުމަށްފަހުގައި ވެސް، އޮޑި ތިރިއަށް ފައިބައިގެން ދަނީ، ދެ ވަނަ ފަހަރަށް މައްޗަށް އެރޭނޭކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. އެހެންނަމަވެސް ހިތްވަރާ އެކު، އަނެއް ރާޅާ ކުރިމަތިލައެވެ. މި ފަދަ ހާލެއްގައި އޮޑި އުޅޭއިރު، އޭގައި ތިބޭ މީހުންގެ ހާލަތަކީ ކޮބައި ބާވައެވެ؟ އޮޑިގެ އެއް ތަނެއްގައި ހަރުލައި އިންނަ މީހަކު ނެތެވެ ކެކިކެކި އޮތް ކަނޑަށް ވިއްސައިގެން ހިނގައިދާނޭހެން ހީވާ ކިތަންމެ ދަނޑިވަޅެއް އާދެއެވެ.
ކުއްލިއަކަށް ކުރިމަތިން ނެގި ރާޅަކާ އެކު، އޮޑި އުފުލާލައިފިއެވެ. އާދަނާގެ ގައިގައި ދެ އަތުން، ބާރަށް ބައްދައިގެން އިން ހައްވާދިޔެ، ތެމިފައިވާ މަޅުމަތީން ސޮއްސާލައިފިއެވެ. އާދަނާއާ އެކުގައެވެ. ރޮއިރޮއި އިން ހައްވާދިޔެއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ލިބުނު ކުއްލި ސިހުމާ އެކު، އާދަނާއަށް ހިފެހެއްޓުނީ ކަފިގަނޑުގައެވެ. އާދަނާއަކީ އޮޑިއަށާއި ކަނޑުމައްޗަށް ފަރިތަ މީހެއްކަން ނަސީބެވެ. އެހެންނޫން ނަމަ، މި ފަހަރު އެ ދެމަފިރީން ކަނޑަށް ވެއްޓުނީހެވެ. ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ދަށުވެ، ފަހު ނޭވާ ދުނިޔޭގެ ޖައްވަށް ދޫކޮށްލާން ޖެހުނީހެވެ. ﷲގެ އޯގާވަންތައްކަން ވަރަށް ބޮޑެވެ.
މި ދިމާވި ހާދިސާއާ ގުޅިގެން ހައްވާދިޔެގެ ހިތުގެ ބިރުވެރިކަން ވަރަށް ބޮޑުވެއްޖެއެވެ. ކުރިއަށްވުރެ ވެސް ބާރަށް އާދާނާގެ ގައިގައި އޭނާ ބައްދައިގެން އިނެވެ. އެހެން އިން އިރު ވެސް ސިއްސައިގެން ދާންޖެހޭ ފަދަ އެތައް ވަގުތެއް އާދެއެވެ.
“އާދަނާ! އަޅެ ކިހިނެއް މި ވަނީ؟ އަހަރެމެން އެންމެންގެ ދުވަސް ދާންތަ މި އުޅެނީ؟” ރޮއިރޮއި އިން ހައްވާދިޔެ، ގިސްލުމުގެ ތެރެއިން އާދާނާއާ ސުވާލުކޮށްލެވުނެވެ.
އާދަނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބޮލަށް ބަރުވެ، ހިތަށް ތަދުވެފައިވާލެއް ބޮޑުކަމުން، އަނގައަކުން ނުބުނެވުނެވެ. ދެ ލޮލުގައި އުފެދެމުން އައި ކަރުނަތައް، ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތިކިތަކާ އެކު، އާދަނާ ދޫކޮށް ދެއެވެ. އާދަނާ ވަރަށް ހިތްވަރުގަދައެވެ. ހުއްޓުމެއް ނެތި ދުޢާ ކުރަމުން ގެންދެއެވެ. ކަންކަން ދިމާވަމުން މިހިރަ އަންނަނީ، ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. މި ފަދަ ނާމާން ދަތުރަކަށް މި ދަތުރު ވާނޭކަން ކުރިން އެނގުނު ނަމަ، މި ދަތުރުގައި އޭނާ ބައިވެރިއެއް ނުވީހެވެ. އެހެންނަމަވެސް އެއްވެސް ކަމެއް ދެރަ ގޮތަކަށް މެދުވެރިއެއް ނުވާނެއެވެ. އާދަނާގެ ޢަޤީދާއަކީ އެއީއެވެ.
“އާދަނާ! އަހަރެން މަރުވެއްޖިއްޔާ މަންމަ ހާދަ އެކަނިވާނޭ!”
“ތިކަހަލަ އެއްޗެހި މި ވަގުތު ނުކިޔާ!” އާދަނާގެ އަޑު ތުރުތުރު އަޅައިގަތެވެ. ހިތަށް އަރައި ފައިބާހައި އެއްޗެހިތަކެއް ބުނެދޭން ވެސް ނޭނގެއެވެ. އެކަމަކު ހައްވާދިޔެގެ ކުރިމަތީގައި، އެއިން ކަމެއް ނުދައްކާވޭތޯ އޭނާ ވަރަށް މަސައްކަތް ކުރެއެވެ.
ވިއްސާރައިގެ ދުއްޕާނުގައި އެތައް ވަގުތެއް ހޭދަވުމަށްފަހު، އެ ދުވަހުގެ މެންދުރުން އެނބުރި ފަހުން، ކުޑަކޮށް ރަމަތަވެލައިފިއެވެ. ކަނޑުގައި ރުޅިގަދަވެ، އުފުލިފައިވާ ބިޔަ ރާޅުތަކުގެ ސަބަބުން، ކަނޑަށް އައިސްފައިވާ ހަލަބޮލިކަމަށް ލުއިކަމެއް ލިބިއްޖެއެވެ. ވެހެމުން ދިޔަ ބޯ ކެރިގަނޑު ތުނިވަމުން ގޮސް، ގާތްގަނޑަކަށް ހުއްޓުމަކަށް އަތުވެއްޖެއެވެ. ވައި ވެސް ކުރިއަށްވުރެ މަޑުވެ، އޮޑި އަނެއްކާވެސް ދުއްވާލެވޭވަރު ވެއްޖެއެވެ. އެހެންކަމުން ދަތުރުގެ ބައިވެރީންގެ ހިތަށް، ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. އުއްމީދު އައު ނުވިޔަސް، ހިތަށާއި ހައްޓަށް ލުއިވެއްޖެއެވެ.
“މިހާރު އޮޑި މި އޮތީ ރާއްޖެއާ ވަރަށް ބޮޑަށް ފޭގަ.” އުޑުމައްޗަށާއި އުދަރެހަށް ބަލައިލުމަށްފަހު، އޮޑީގެ ކުދިންނާ ދިމާއަށް އަހުމަދުދީދީ ބުންޏެވެ.
“ދެން…؟” ރެކިފުތާއަށް ބަލައިލެވުނީ އަހުމަދުދީދީގެ މޫނަށެވެ.
“ދެން ހިނގާ އޮޅުދޫކަރަ ހިފޭތޯ ބަލަމާ!”
“އޮޅުދޫކަރައޭ؟” އާދަނާގެ މޫނުމަތީން ފެނުނީ ކަންބޮޑުވުމުގެ ނިޝާންތަކެވެ. އެކަން އެނގިއްޖެ ނަމަ، ހައްވާދިޔެގެ ހިތަށް ދަތިކަން ލިބޭނެ މިންވަރު ހިތަށް އަރާފައެވެ. ހައްވާދިޔެއަށް އެ ޖުމުލަ ނީވުނުކަން ނަސީބޭ އާދަނާގެ ހިތަށް އެރިއެވެ.
ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތުން، ބޭނުންހައި ދިމާއަކަށް އޮޑި ދުއްވޭގޮތެއް ނުވިއެވެ. އެހެންކަމުން ދެން ހަދަން ޖެހުނީ، މިހާރަށް ހެދެން އޮތް ހަމައެކަނި ގޮތެވެ. ފަސޭހައިން ދުއްވޭން އޮތް ދިމާއަކަށް އޮޑި ދުއްވުމެވެ. ﷲގެ ރަޙުމަތްފުޅާއެކު ހިކިފަސްތަނަކަށް ގެންދަވާތޯ، އެކަމަށް އެދި ދުޢާކުރަމުން ﷲއަށް ވަކީލުކޮށްލުމެވެ. ރާޅުތަކުގެ ތެރޭގައި، ދެ ފަރާތަށް ހަލުވަމުން، އޮޑި ފާޑަކަށް ދުވަމުންދެއެވެ. ފަޅައިގެން ގޮސް ކުދިކުދިވެފައިވާ ރިޔާގަނޑެއްގެ އެހީގައެވެ.
އަސުރުން އިރު ތިރިވެއްޖެއެވެ. ބަނަވެފައިވާ އުދަރެހުން، އިރު އޮއްސުމުގެ ކުލަވަރު ފެންނާން ފަށައިފިއެވެ. ޖައްވު ފިނިވާން ފަށައިފިއެވެ. ހިކިފަސްތަނެއްގެ ނިޝާނެއް ވެސް ނުފެނި ތިއްބާ، އާ ރެއަކާ އަނެއްކާވެސް ދުނިޔެ ކުރިމަތިލަނީއެވެ. މި ރޭގެ ހާލަތެއް އަދި ނޭނގެއެވެ. ހިތްދަތި ވޭންގަދަ ދުވަސްތަކެކެވެ. ދުވަހަކަށްފަހު ދުވަހެއް ވޭއަތުވަމުން ދަނީއެވެ. ކުރިމަތިވެފައިވާ ނިކަމެތި ހާލަތުން އަރައިގަނެވޭނެ އެއްވެސް މަގެއް ނުފެނެއެވެ.
އިރު އޮއްސި ޖައްވު އަނދިރިވާން ފަށައިފިއެވެ. ހިނދެއް ހިނދަކަށް މަޑުވަމުން ގޮސް، ވިއްސާރަ މުޅިން އަލިވެއްޖެއެވެ. އުޑުމަތީން ތަރިތަކުގެ ވިދުމާއި ބެބުޅުން ފެންނާން ފަށައިފިއެވެ. ކަނޑު މަޑުވެ އާއްމު ހާލަތަށް އަތުވެއްޖެއެވެ. އޮޑީގައި ހަމަޖެހިލައިގެން ތިބެލެވޭވަރު ވެއްޖެއެވެ. އެހެންނަމަވެސް އިރު އޮއްސިގެން ދިޔައީ، ރަށެއް ކީއްކުރަން ހެއްޔެވެ؟ ފިނޮޅުގަނޑެއްހައި މިންވަރު ވެސް ފެނުމުގެ ނަސީބު ނުލިބި ތިއްބައެވެ.
މި ކަހަލަ ގޮތަކަށް ދުވަހަކަށްފަހު ދުވަހެއް މާޒީއާ އެކުވަމުން ދެއެވެ. ފަހުން ވިއްސާރައިގެ ދުއްޕާނަކާ ލައެއް ނުގަނެއެވެ. މުލަކު ރައްޓެހީންގެ ހެޔޮކަމުން، ބަނޑަކަށް ނުޖެހެއެވެ. އެހެންނަމަވެސް ފެން ނުވަރައި، ގައިން ތާހިރު ނުވެވި، ތިބޭން ޖެހުމުން ކުރިމަތިވާ ތުރާ ކުޑައެއް ނޫނެވެ. ބާރު އަތްވާއި ގަދަ ފިނީގައި، ރެއާއި ދުވާ ހޭދަކުރާން ޖެހުމުން، މޫނުމަތި އަނދައި، ސިފަ ގެއްލެމުން ދެއެވެ. ބޮލުގެ އިސްތަށިގަނޑު ރަތްވެ، ތުނބުޅި މަތިމަސް ދިގުވަމުން ދެއެވެ. އެ ފަދަ ހާލެއްގައި ކަނޑުމަތީގައި ތިބޭތާ މިއަދަށް މި ވީ، ބަރާބަރު އޮނަވިހި ދުވަހެވެ. މިހައި ދުވަސްވީއިރު، އެ މީހުންނަށް ހިކިފަސްތަނެއް ނުފެންނަތާނގައި، ދުއްވާފައި ދާ އުޅަނދެއް ވެސް ނުފެނެއެވެ.
ކާތަކެތި އޮޑީގައި ހުރިނަމަވެސް، ކަނޑުމަތީގައި މިހައި ގިނަ ދުވަސްވާން ފެށުމުން، ނުވެ ނުދާނޭ ގޮތް އަންނަނީ އެންމެންނަށް ވެސް ވަމުންނެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ހިތްވަރު ކުރެއެވެ. ވީވަރަކުން ކައެވެ. އެންމެން އެންމެންނާ ވާހަކަ ދައްކައެވެ. އެކަކުގެ ހިތާމަ ލުއިކޮށްދެވޭތޯ، އަނެކަކު މަސައްކަތް ކުރެއެވެ. އާއިލީ ގޮތުން އެކަކު އަނެކަކާ މާ ބޮޑު ގުޅުމެއް ނެތްކަމަށް ވިޔަސް، އުޅެމުން އަންނަނީ އެއްބަނޑު އެއްބަފާ ބަޔަކު ފަދައިންނެވެ.
ޖެހިގެން އައި ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. އުޑުމަތި ސާފު ކަނޑު މަޑު ދުވަހެކެވެ. ހިތްފަސޭހަ ވަރަކަށް ވައިރޯޅިވަމުން ދެއެވެ. އެންމެން ކަހަލަ ގޮތަކަށް ތިބީ، އޮޑީގެ މަޅުމަތީގައި އިށީނދެލައިގެން، ތަފާތު އެކިއެކި ވާހަކައިގައެވެ. މިހާރު މިހެން އުޅެއުޅެ، މި ދިރިއުޅުމަށް އެންމެން ވެސް މަޑުމަޑުން އަންނަނީ ހޭނެމުންނެވެ. ހައްވާދިޔެ ވެސް ކުރީން އުޅުނުހެން، ރޮއިރޮއިފައި ވަރަށް ނޫޅެއެވެ. އިންސާނާއަކީ އެކަހަލަ މަޚުލޫޤެކެވެ. ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް، އެ ހާލަތަކަށް ވަރަށް ފަސޭހައިން ހޭނޭނެއެވެ. މުއްސަނދި މަހުޖަނަކު، ފަގީރު ނިކަމެތި ދިރިއުޅުމަކަށް ވެއްޓި، އިނދަޖެހުނަސް، ތެދުވެ ހިންދެމިލައި، ހިނިތުންވެ އުޅެވޭ ސަބަބަކީ އެއީއެވެ.
މަޅުމަތީގައި ވާހަކަ ދައްކާން އިނދެފައި، އަލިފުތާ ތެދުވީ ފެންފޮދެއް ބޮއިލާށެވެ. އޭނާ ހިންދެމިލައި، ވަށައިގެން ފެންނާން އޮތް އުދަރެހަށް ބަލައިލިއެވެ. މާބޮޑު ފިކުރެއް އޮވެގެނެއް ނޫނެވެ. ވަކި ޚާއްޞަ އުއްމީދެއް ވެސް އޮވެގެނެއް ނޫނެވެ. އެހެންނަމަވެސް ވަށައިގެން ހިންގާލި ކަޅި އޭނާއަށް ގެނެސްދިނީ، އުފާވެރި މަންޒަރެކެވެ. ލޮލަން ފިނިކަން ލިއްބައިދިން މަންޒަރެކެވެ. ފޯއްމުލަކުން ފުރިފަހުން، މި ހޭދަވި ދުވަސްތަކުގެ ތެރޭގައި، އެ ފަދަ އުފާވެރި މަންޒަރެއް އަދި ފެނިފައެއް ނެތެވެ.
“ރަށެއް! ކުދީންނޭ! އެ އޮތީ ރަށެއް! އަހަންމަދާ ދޫންޏާ އެ އޮތީ ރަށެއް!” އިރުމަތީ ފަރާތަށް އިޝާރާތް ކުރަމުން އަލިފުތާ އަޑުގެ ކޮޅަށް ގޮވަންފެށިއެވެ. މަޅުމަތީގައި ދެ ފައި ތަޅަމުންނެވެ.
މަޅުމަތީގައި ތިބި އެންމެން، އެއް ފަހަރާ ކަހަލަ ގޮތަކަށް، ފުންމައިގެން ތެދުވެއްޖެއެވެ. އަލިފުތާ އިޝާރާތްކުރި ދިމާއަށް ބަލަންފެށިއެވެ. އެއީ ތެދެކެވެ. އެއީ ހީއެއް ނޫނެވެ. ވަރަށް ދުރުން ރަށެއްގެ މަލަމަތި އެބަ ކަނިލައެވެ. މި މަންޒަރު ފެނުމާއެކު، އެންމެންނަށް ވެސް ލިބުނީ، ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެރަށާ ދިމާއަށް ބަލަން ފެށީ އުފަލުން ފޮޅިފައިވާ މޫނަކާ އެކުގައެވެ. އުއްމީދު ގެއްލިފައިވާ ލޯތަކުން އުއްމީދުގެ ވިދުވަރު ފެންނާން ފެށިއެވެ. އަލިބެއްޔާ ވަގުތުން މަޅުމައްޗަށް ސަޖިދައަށް ތިރިވިއެވެ.
“ހަމަ އަސްލު ވެސް ރަށެއް އެބަ ފެނޭތަ؟” އާދަނާ އައުމުން ހައްވާދިޔެ އަވަސް އަވަހަށް އާދަނާގާތު އަހައިލިއެވެ. އޭރު ހައްވާދިޔެގެ މޫނުމަތީން ވެސް ފަޅުވާން ހުރީ، މި ވީހައި ދުވަހު ފެނިފައި ނުވާ ފަދަ އަލިކަމެކެވެ.
“އާނ! ﷲގެ ރަޙުމަތްފުޅުން ރަށެއް ފެނުމުގެ ނަސީބު ދެއްވައިފި!” ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން އާދަނާ ފެންކަޅިވިއެވެ.
“އަލްޙަމްދު ﷲ!” ހައްވާދިޔެގެ ތުންފަތް މައްޗަށް އެތައް ދުވަހަކަށްފަހު، ހިނިތުންވުމުގެ އަސަރު ވެރިވިއެވެ. ލިބުނު އުފަލާ އެކު އޭނާއަށް އާދަނާގެ ގައިގައި ބައްދާލެވުނެވެ. “އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއް ނުވެ، އަހަރެމެންނަށް ރަށަށް ދެވިދާނެ ދޯ!” ހައްވާދިޔެ ދެ ލޯ މަރާއިލިއެވެ. އެ ވަގުތު ވެސް އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ އޭނާގެ ލޯބިވާ މަންމަގެ ސޫރައެވެ. އޯގާވެރި މޫނެވެ. އުފާވެރި ހިނިތުންވުމެވެ. މަންމަގެ ހަނދާންތައް ހައްވާދިޔެގެ ސިކުނޑީގައި އާވެގަތެވެ.
މިހާރު އޮޑި ދަތުރުކުރަމުން ދަނީ ކުރިމަތިން ދެންމެ އެ މީހުންނަށް ފެނުނު ރަށާދިމާއަށެވެ. އެއީ ދިވެހިރާއްޖޭގެ ރަށެއް ބާވައެވެ؟ އެހެން ޤައުމެއްގެ ރަށަކަށް ވެސް ވެދާނެއެވެ. ކޮންމެ މީހެއްގެ ސިކުނޑީގައި ވެސް މި ވަގުތު އުފެދިފައިވާ އެންމެ ޚާއްޞަ ސުވާލަކީ އެއީއެވެ. އެހެންނަމަވެސް ދުލާ ހަމައަށް އެ ސުވާލު ގެންނާކަށް އެކަކު ވެސް ބޭނުމެއް ނުވެއެވެ.
އޮޑި ދުވަމުންދެއެވެ. ދުވަމުން ދިޔައިރު، އިތުރު ހިތްވަރަކާއި ފަންވަރެއް އެ އޮޑިއަށް ވެސް ލިބިފައިވާ ކަހަލެވެ. ކުރިއަށްވުރެ މާ ބާރަށް ދުވަމުން ދާހެން ވެސް ހީވެއެވެ. އޭގައި ތިބި މީހުން ވެސް ތިބީ، އެ ފަދަ ހާލަތެއްގައެވެ. ކޮންމެ މީހެއްގެ ހިތް ވެސް ވަނީ އަވަސްވެފައެވެ.
ރަށުގެ މަލަމަތި ރަނގަޅަށް ފެންނާން ފެށުމާ އެކު، އެއީ ދިވެހިރާއްޖޭގެ ރަށެއް ނޫންކަން އެންމެންނަށް ވެސް އެނގި، ކަށަވަރުވެއްޖެއެވެ. އެހެންނަމަވެސް ހިކިފަސްތަނެއްގައި ފައި ޖެހިއްޖެއްޔާ، ރާއްޖެއަށް ވެސް އޮންނާނީ ދެވޭށެވެ. އިރާދަކުރެއްވިއްޔާ ދެން އެއްވެސް ކަމެއް ގޯހެއް ނުވާނެއެވެ.
“އެއީ ކޮންރަށެއް؟” އާދަނާ އައިސް ހައްވާދިޔެގާތުގައި އިށީނނުމުން، ހައްވާދިޔެ އަހައިލިއެވެ.
“ނޭނގެ! އަހަރެމެންގެ ރާއްޖޭގެ ރަށެއް ނޫން!!”
“ދެން ކޮން ރާއްޖެއެއްގެ ރަށެއް؟”
“އަދި ނޭނގެ!” ދުރުން ފެންނާން އޮތް ރަށަށް އާދަނާ ބަލައިލިއެވެ.
“ގޮތް ނޭނގޭ ރަށްރަށް ދާންވާނެތަ؟” އިރުކޮޅަކު އިނދެފައި، މަޑުމަޑުން ހައްވާދިޔެ އަހައިލިއެވެ.
ހައްވާދިޔެގެ އެ ޖުމުލައަށް އާދަނާ އެއްޗެއް ނުބުނެއެވެ. އަޑު އިވުނެވެ. އެހެންނަމަވެސް އަޑު ނީވޭ ކަމަށް ހަދައިގެން އިނީއެވެ. މި ކަހަލަ ދުވަސްވަރެއްގައި، ގޮތް ނޭނގޭ ރަށްރަށަށް އެރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އަންޑަމަން އައިލެންޑްސް އިން ފެށިގެން ސިންގަޕޫރާއި ޖާވާކަރައަށް ދާންދެން އޮތީ، ޖަޕާނު ސިފައިންގެ އަޅުވެތިކަމުގެ ދަށުގައެވެ. ފަހަރުގައި މިއީ ވެސް އެ ފަދަ ރަށަކަށް ވެދާނެއެވެ.
އެކަމަކު މިހެން ކަނޑުމަތީގައި ރާޅުތަކުގެ ތެރޭގައި އަބަދު އުޅޭނީ ވެސް ކިހިނެއް ހެއްޔެވެ؟ މި ކަނޑުތަކަކީ ވެސް ރައްކާތެރި ތަނެއް ނޫނެވެ. ޖަޕާނުގެ ސަބުމެރީންތައް ކޯމަސްތަކެއްހެން، މި ކަނޑުތަކުގައި ފުމެއަރަމުން އަންނަ ދުވަސްވަރެއްގައި، މި ކަހަލަ ކުޑަކުޑަ އޮޑިގަނޑެއްގައި ތިބި ބަޔަކަށް، މި ކަނޑުތަކުގައި އޮތީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ؟ އެބައިމީހުންގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފުނޑުފުނޑުވެ، ޣަރަޤުވެފައިވަނީ ހަމައެކަނި އިއްތިހާދީންގެ އުޅަނދުތަކެއް ނޫނެވެ. ދިވެހީންގެ އެތައް އުޅަނދަކާއި އެތައް ބަޔަކު ވެސް ވަނީ ޣަރަޤުކޮށްފައެވެ.
އާދަނާގެ ހަނދާނުގެ ވާފަށަށް ދަމައިލީ، އައްޑުއަތޮޅުގެ އެކުވެރިއަކު އެއްދުވަހަކު ކިޔައިދިން ހާދިސާއެކެވެ. އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ހާދިސާއެކެވެ. އައްޑުއަތޮޅު ބަނދަރުގައި އޮތް ތެޔޮ ބޯޓަކަށް، ޖަޕާނު ސިފައިން، ޓްރޮޕިޑޯއަކުން ދިން ނުރައްކާތެރި ހަމަލާގެ ބިރުވެރި ހާދިސާއެވެ. އެ ވާހަކަތައް ހިތަށް އެރުމާ އެކު އޭނާގެ ގައިން ހީބިހި ނަގައިގަތެވެ.
“އާދަނާ!” ހުއްޓުން އަރާފައި އިން އާދަނާއާ ދިމާއަށް ބަލަން އިނދެފައި، ހައްވާދިޔެ ގޮވައިލިއެވެ. “މަ ބުނީ، މި ގޮތަށް ފެންނަ، ގޮތް ނޭނގޭ ރަށްރަށަށް އަރަންވާނެހޭ؟” އާދަނާ ބަލައިލުމުން ހައްވާދިޔެ، އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.
“އެހައި ކަންބޮޑުނުވޭ! އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ!”
“ﷲގެ ރަޙުމަތްފުޅުން، ދެން މި އުޅެނީ އަހަރެމެން ސަލާމަތްވާން ދޯ!” ހިތަށް އުފާވެރިކަން ގެންނާން، ހައްވާދިޔެ މަސައްކަތްކުރިއެވެ.
ހުޅަނގުފަރާތު އުދަރެސް، ތަފާތު ކުލަކުން ފެވެމުން އާދެއެވެ. އިރު އޮއްސުމުގެ ވަގުތު ކުޑަތަންވަމުން އައި ވަރަކަށް، ޖައްވަށް ވެރިވަމުން އައީ އަނދިރިކަމެވެ. ކުރިމަތީން ފެންނާން އޮތް ރަށް ވެސް ކައިރިވަމުން އާދެއެވެ. އެއީ ވަރަށް އުސްކޮށް އުފެދިފައި އޮތް، ގަސްބޯ، ބިޔަ ރަށެކެވެ. ފެންނަ ފެނުމަށް ހީވަނީ، ފަރުބަދަމަތީ ރަށެއް ހެންނެވެ. އިރުއޮއްސުނު އިރު ވެސް، ރަށުތެރެއިން އެއްވެސް ކަހަލަ އަލިކަމެއް ނުފެނެއެވެ. އަނދިރިވަމުން އައިއައިހެން، އެ ބިޔަ ރަށް، ކަޅު ހިޔަންޏެއްގެ ސިފައަށް ބަދަލުވަމުން އާދެއެވެ. އެހެންނަމަވެސް އޮޑީގެ މިސްރާބު ބަދަލުކޮށްލާކަށް، އެއްވެސް މީހަކަށް ނުފެނުނެވެ. އެތައް ދުވަހަކަށްފަހު، ހިކިފަސްތަނެއް ފެނުމުން، އެނބުރި ދާންކަށް ހިތެއް ނޭދުނެވެ.
އިރު އޮއްސި ހަތެއް ޖަހައިފިއެވެ. ފައްސިޔަ ވައިގައި އޮޑި ދުވަމުން ދެއެވެ. ކުރިމަތީގައި، ރަށެއްގެ ސިފައިގައި އޮތް، ބޮޑުސިންގާ ކަޅު ހިޔަނި ކައިރިވަމުން އާދެއެވެ. އޭރު ރަށް ވަށައިގެން އުފެދިފައި އޮތް ފަރުމައްޗަށް މުގުރާ ރާޅުގެ އަޑު ސާފުކޮށް އިވެމުން ދެއެވެ. ކަޅު ކަނޑުގެ ތެރެއިން، އެ ރާޅުތަކުގެ ހުދު ފޮނު ފެންނާން ވެސް ފަށައިފިއެވެ.
ރަށުގެ ފަރުމައްޗަށް މުގުރާ ރާޅުތަކުގެ އޮއިވަރު އަޅާހިސާބާ ކައިރިވިއިރު ވެސް، ރަށުގެ ފަޅަށް ވެދެވޭނެ ނެރެއް، ކަނޑިންމައެއް ނުފެނެއެވެ. އެހެންކަމުން ވިއްސަކަށް ބަމައަށް ކައިރިވުމުން، އޮޑީގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. ފަރުކައިރިން ދެކުނަށެވެ. ފަރާ މާ ބޮޑަށް ކައިރިކޮށްފި ނަމަ، ރާޅާއެކު އޮޑި ގެންގޮސް ފަރުމައްޗަށް ޖަހައި ފުނޑުފުނޑު ކޮށްލަފާނެއެވެ.
އޮޑީގެ މިސްރާބު ބަދަލުކޮށްލިއިރު، ހައްވާދިޔެ ފިޔަވައި، އެންމެން ކަހަލަ ގޮތަކަށް ތިބީ އޮޑީގައި ކޮޅަށެވެ. ރަށުގެ ފަޅަށް ވަދެވޭނެ ދިމާއެއް ފެނޭތޯ އެކި ދިމަދިމާއަށް ބަލަބަލައެވެ. ދިހަވަރަކަށް މިނެޓު ދުއްވިފަހުން، ތަންކޮޅެއް ދުރުން ރާޅު ނުމުގުރާ ދިމާއެއް ފެނިއްޖެއެވެ.
“މަށަށް ހީވަނީ، އެއޮތް ފެންނަ ދިމާއިން ވަދެވޭނެހެން. އެ ދިމާއިން ހުދު ފޮނެއް ނުފެނޭ.” ރެކިފުތާ އިޝާރާތްކުރިއެވެ.
“އާނ! އެ ދިމާއިން ވަދެވޭނެ! ކިހިނެއް ހަދަންވީ؟ ވަންނަންވީތަ؟” އެ ދިމާއަށް ބަލަހައްޓައިގެން ހުރެ، ކެޔޮޅު އަހުމަދުދީދީ އެހެން މީހުންގެ ލަފައަކަށް އަހައިލިއެވެ.
“ވަންނަން ފެންނަނީ.”
އެންމެންނަށް ވެސް އެއްބަސް ވެވުނީ، ފަޅަށް ވަނުމަށެވެ. އެހެންކަމުން އޮޑި އެ ދިމާއަށް ގެންގޮސް، ފަސޭހަކަމާ އެކު ފަޅަށް ވައްދައިފިއެވެ. އެއީ މާ ބޮޑު ފަޅެއް ނޫނެވެ. ފުދޭވަރަކަށް ތިލަ ވެސް ފަޅެކެވެ. އެހެންކަމުން އަހުމަދުދީދީގެ އެދުމަށް، އެޅެފުތާގެ މުހައްމަދުކަލޯ ރިތެއް ނަގައިގެން، ކަނބާން ފެށިއެވެ. އިސާހިތަކު އޮޑި ގެންގޮސް ގޮނޑުކޮށްފިއެވެ. އެއަށްފަހު، ބޭރަށް ލޮތާރިލައި، އައްދޮށު ވާ އަޅައި، ރަނގަޅަށް އޮޑި އަޅައިފިއެވެ.
އެއީ ފަސްގަނޑު އުސް، ބިޔަ ރަށެކެވެ. ރަށުތެރެއިން އަލިކަމުގެ ކަންފުޅެއް ނުފެންނަ ތާނގައި، އެއްވެސް ކަހަލަ އަޑެއްބަޑެއް ވެސް ނީވެއެވެ. މުޅި ރަށް ނިދާ މަރުވެފައި އޮތް ކަހަލައެވެ. ނޫނީ މީހުން ދިރިނޫޅޭ ފަޅުރަށެކެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތަށް ވެސް ވާތީއާ އެކު، އެކަކު ވެސް އެ ރަށަށް ފައިބާކަށް ބޭނުމެއް ނުވިއެވެ. އެންމެންނަށް އެއްބަސްވެވުނީ، އިރުއަރާންދެން އޮޑީގައި ތިބުމަށެވެ. އެހެންކަމުން އެންމެން އަވަސްވެގަތީ، މި ރޭގެ އަޅުކަން ﷲ އަށް އަދާކުރުމަށެވެ. ޖަމާޢަތުގައި މަޣުރިބާއި ޢިޝާކޮށްލުމަށެވެ. އެއަށްފަހު، ކައިގެން، ރަނގަށް ނިދާލުމަށެވެ.
މުލަކުން ފުރިފަހުން، ކަނޑުމަތީގައި ވިއްސަކަށް ދުވަސް ހޭދަވެއްޖެއެވެ. މި ދުވަސްތަކުގައި، އެ މީހުންނަށް ރަނގަޅަށް ކާއެއްޗެއް ނުކެވެއެވެ. ކެއުމާ ވެގެން ކެވުނު ނަމަ، މިހާރު އޮޑިން ކާތަކެތި ހުސްވެއްޖައީހެވެ. ކޮންމެ މީހަކު ވެސް ބަނޑަށް އެއްޗެއް ލަނީ، ހައިވެގެން ގޮސް، ހާންތިވާވަރު ވުމުންނެވެ. އެވަރުންވެސް އަރަށް އެއްޗެއް ފޮނުވައިލެވެނީ ހިތްވަރަށެވެ. ދިމާވި ހިތްދަތި ހާލަތުގެ ސަބަބުން، ކާހިތް ނުވަނީއެވެ. ނުކެވެނީއެވެ.
ކާތަކެތި މަދުވަމުން ދިޔަ ނަމަވެސް، ސަލާމަތް ވުމުގެ އުއްމީދު އައުވެފައި ވާތީ، މި ވީހައި ތަނަށް ނުކެވޭހައި ރަނގަޅަށް، ކޮންމެ މީހަކު ވެސް މިރޭ ކައިފިއެވެ. ކައި ނިމުމާ އެކު، ވަރުބަލިކަމާއި ނިދީގެ އަސަރު، ހަށިގަނޑުގެ މައްޗަށް ބާރުހިންގާން ފަށައިފިއެވެ. ރަނގަޅަށް ލޮލުފިޔައެއް ޖަހައިނުލެވޭތާ އެތައް ދުވަހެއް ވެފައިވާތީ، ނިދީގެ ލަޝްކަރު އެ މީހުންގެ މައްޗަށް ވެރިވެގަތީ ނުހަނު އަވަހަށެވެ.
އެންމެން ނިދާން އޮށޯވެއްޖެއެވެ. އާދަނާއާއި ހައްވާދިޔެ ފިޔަވައި، އެހެން އެންމެން ތިބީ ކޮޅުފަސްކޮޅުގައެވެ. އެ ދެމަފިރީން ތިބީ، އޮޑީގެ ދިރުނބާކޮޅު ތައްޓު މަތީގައެވެ. އެ ގޮތަށް އެ ކަންކުރީ، އެއީ ޒުވާން ދެމަފިރިން ކަމަށްވާތީ، އެ ދެމަފިރިންނަށް މިނިވަންކަމާ އެކު ނިދާލުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
ރެއަކީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން ރެއެކެވެ. މާހައުލުގައި ރަސްކަންކުރަނީ ކަޅުފޮއި މޫސުމުގެ ކަނު އަނދިރިކަމެވެ. ހެޔޮވަރު ވަރަކަށް ވައިރޯޅިވަމުން ދާ ރެއެކެވެ. އުޑުމަތީގައި ތަރިތައް ފިޔަޖަހަނީއެވެ. ނަށަނީއެވެ. އޮޑީގައި ތިބި މީހުންނަށް، މި ރޭ ލިބިފައިވާ އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ތަރިތައް ވެސް ބައިވެރިވަމުން އަންނަ ކަހަލައެވެ.
ދިރުނބާކޮޅު ތައްޓުމަތީގައި އުޑުތިލަމަތީން ކަހަލަ ގޮތަކަށް އޮށޯވެލައިގެން ތިބި އާދަނާއާއި ހައްވާދިޔެގެ ނަޒަރު ހުއްޓިފައި ވަނީ، ކަޅު ސާލެއްގައި ހަރުކޮށްފައި ހުރި ޖަވާހިރުތަކެއްހެން، ވިދަވިދާ ހުރި ތަރިތަކާ ދިމާއަށެވެ. ދެމަފިރީންގެ މެދުގައި ދެކެވެމުން ދަނީ، އުއްމީދުން ފުރިފައިވާ ވާހަކަތަކެކެވެ. މިއީ ކުރީން އާދަނާ ހީކުރި ފަދަ ރަށެއް ކަމަކަށް މިހާރަކު އޭނާގެ ހިތެއް ނުބުނެއެވެ. އެ ފަދަ ރަށެއް ނަމަ، މި ހެން ފަޅުކޮށެއް ނޯންނާނެއެވެ. އަޑެއް ބަޑެއް ނީވިއެއް ނުދާނެއެވެ. އިރާދަކުރެއްވިއްޔާ މާދަމާ މި ރަށުން ރަނގަޅު ބަޔަކާ ބައްދަލުވާނެއެވެ. ދިމާވެފައިވާ ހާލަތު އެބައިމީހުންނަށް ކިޔައިދިނުމުން، ލަހެއްނުވެ، ރާއްޖެއަށް ދިޔުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މަންމައާއި ޢާއިލާގެ މީހުންނާ ބައްދަލުވާކަން ދެނެއް ގިނަ ދުވަސްތަކެއް ނުނަގާނެއެވެ.
މި ކަހަލަ އުފާވެރި ވާހަކަތަކެއްގައި ދެމަފިރީން ތިބިއިރު، އެ ދެ ހަށިގަނޑަށް އައީ ފިނީގެ ގަދަ ބާރު ހިންގަމުންނެވެ. ޖައްވުގައި ހިފާފައިވާ ފިނިކަމާއި ޖެހޭ މަޑުމަޑު ވައިރޯޅީގައި އެކުލެވިފައިވާ ފިނިކަމެވެ. ހިތަށް ލިބިފައިވާ ހަމަޖެހުމާއި ޖައްވަށް ވެރިވެފައިވާ ފިނިކަން އެކުވުމުން އެ ދެހަށިގަނޑުގެ ޒުވާން ނާރުތަކުގައި ތަފާތު މިޔުޒިކެއް ކުޅޭން ފަށައިފިއެވެ. އާދަޔާޚިލާފު އޮއިވަރެއް ހިނގާން ފަށައިފިއެވެ. އެއް ހަށިގަނޑުގެ ހޫނުކަމަށް އަނެއް ހަށިގަނޑު އެދޭން ފެށީ އިންތިހާއަށެވެ.
އާދަނާ ތެދުވެ ފޮށީން މުންޑެއް ނަގައި ގައިމަތީގައި އަޅައިލިއެވެ. އުޑުމަތީގައި ހިނިތުންވެފައި ތިބި ތަރިތަކަށް ފިލާން، ދެމަފިރީން މަސައްކަތް ފެށިކަހަލައެވެ. އޮޑީގެ ދިޔަވަތާ ދިމާއިން ހުރަހަށް ފަތުރާފައިވާ ރިޔަލަށް ބަލައިލަމުން، ހައްވާދިޔެގެ ހަށިގަނޑު އާދަނާގެ ހަށިގަނޑުގައި ޖައްސައި ފިއްތާ ބާރުކޮށްލިއެވެ.
ހައްވާދިޔެއަށް ހޭލެވުނީ ސިހިފައެވެ. އޭނާގެ މޫނުމަތީގައި ފިނިފިނި އެއްޗެއް ޖެހުނުހެން ހީވެގެންނެވެ. ދެ ލޯ ހުޅުވައިލުމާ އެކު، ދިޔައީ ސިއްސައިގެންނެވެ. މޭ ތެޅިގަތެވެ. އޭނާއާ ދިމާއަށް ގުދުވެ، ދެ ލޯ ދެ ކާށިކިބަހެން ހަދައިގެން އޮތް ކަޅު ބަބުރެއް ކަހަލަ މީހަކު ފެނިފައެވެ. އޭނާގެ އަތުގައި ދިގު ލޮންސިއެއް ކަހަލަ އެއްޗެއް އޮތެވެ. މޫނުމަތީގައި ޖެހުނީ، އެ ލޮންސި ކަންނޭނގެއެވެ.
އެ މީހާ ތެދުވެ ހިންދެމިލުމާ އެކު، ހައްވާދިޔެއަށް ފުންމައިގެން ތެދުވެވުނެވެ. އެއާއެކު އޭނާގެ ހިތުގެ ބިރުވެރިކަން ވަކީން ބޮޑުވެއްޖެއެވެ. އެ އޮޑީގައި ހުސްގަޔާ ތިބި، އެ ކަހަލަ ހައެއްކަ ފިރިހެނުން ފެނިފައެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ވެސް ލޮންސިއެއް ފަދަ ހަތިޔާރެއް އޮތެވެ.
މި ބިރުވެރި މަންޒަރު ފެނިފައި ގަތް ބިރެއްގެ ބޮޑުކަމުން، ހައްވާދިޔެއަށް ހަޅޭއްލަވައިގަނެވުނެވެ. އެ އަޑަށް، އޮޑީގައި ނިދާފައި ތިބި އެންމެންނަށް ހޭލެވިއްޖެއެވެ. އާދަނާ ވެސް ފުންމައިގެން ތެދުވެއްޖެއެވެ. އޭރު ފަތިސްވެ ޖައްވު އަލިވަމުންދަނީއެވެ.
ފެނުނު ބިރުވެރި މަންޒަރުގެ ސަބަބުން، އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ސިހުމެވެ. މޫނުމަތީން ފެނުނީ ބިރުވެރިކަމެވެ. ކަންބޮޑުވުމާއި ހާސްކަމެވެ. އެޅެފުތާގެ އަލިފުތާއާއި މުހައްމަދާއާ ދެ މީހުން، ފުންމައިގެން ތެދުވެ، އެބައިމީހުންނާ ދިމާކޮށްލައިފިއެވެ. އެހެންނަމަވެސް އެ މީހުންގެ ކުރިމަތީގައި، އެ ދެ ޒުވާނުންނަކަށް ހަމަ އެއްކަމެއް ވެސް ނުކުރެވުނެވެ. އަލިފުތާގެ މެޔަށް، މުހައްމަދާގެ ބުރަކައްޓަށް ލޮންސި ގަންނާވާލައިފިއެވެ. ހަށިގަނޑު ފޫއަޅައި އަނެއް ފަރާތުން ނިކުތްތަން ފެނުނެވެ. ލޭތައް ދުނިޖެހިއެވެ. އޮޑީތެރޭގައި ލޭގެ ކޯރު ހެދުނެވެ. ޖަހާފައި ހުރި ލޮންސި ދަމައިގަތުމާއެކު، އެ ދެ މީހުން، ހޭވަތުގެ ތެރެއަށް ގުޅައަކަށް ޖެހިއްޖެއެވެ. އޭރު އެ ދެ ހަށިގަނޑު އޮތީ ލެއިން ކަޅިވެފައެވެ. މަރަށް ތެޅިތެޅި އޮއްވާ، ފަހަރަކު މީހަކު ނަގައި މޫދަށް އެއްލާލައިފިއެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތެވެ.
މި އަނިޔާވެރި މަންޒަރު ފެނިފައި، އޮޑީގައި ދެން ތިބި މީހުން، ބިރުން އަވަދިވެއްޖެއެވެ. ކޮޅުކޮޅަށް ދުވާން ފަށައިފިއެވެ. ސަލާމަތްވެވޭތޯ އުޅޭން ފަށައިފިއެވެ. އެހެންނަމަވެސް މި ކަހަލަ ކުޑަކުޑަ އޮޑިއެއްގެ ތެރޭގައި، ސަލާމަތްވާން ވަންނާނީ ކޮން ތަނަކަށް ހެއްޔެވެ؟ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟
އާދަނާ އިނީ، ހައްވާދިޔެއަށް ކަމެއްވިޔަ ނުދިނުމަށް ޓަކައި، އައްޑަނައަކަށް ވެގެން، އޭނާގެ ގާތުގައެވެ. އެ ތަނުގައި އެންމެ ބިޔަކޮށް، ވަރުހެސަކޮށް ހުރި މީހާ، ކުރިއަށް ޖެހިލައި، ހައްވާދިޔެއާ ދިމާއަށް، ވަހުޝީ ނަޒަރަކުން ބަލައިލިއެވެ. ނުރައްކާތެރި ބެލުމެކެވެ. އެ ބަލައިލުމުގައި ހުރީ އިންތިހާ ދަރަޖައިގެ ދަހިވެތިކަމެވެ. އާދަނާއަށް ހައްވާދިޔެގެ ގައިގައި ބާރަށް ބައްދާލެވުނެވެ. އޭރު ހައްވާދިޔެގެ ހަށިގަނޑު ހީވަނީ ހިނގަހިނގާ ހުރި މެޝިނެއް ހެންނެވެ. އެ މީހާގެ އެ ދަހިވެތި ނަޒަރުން ރެކުމަށް ޓަކައި، ހައްވާދިޔެ އަވަސްއަވަހަށް އިސްދަށަށް ޖެހިއެވެ. އޭނާ ކުރުގެޅެލި ގޮތުން ހީވީ، އެ މީހާގެ ކިބައިން ސަލާމަތްވުމަށް ޓަކައި، އާދަނާގެ ހަށިގަނޑުގެ ތެރެއަށް ވަންނާން އުޅުނުހެންނެވެ.
އާދަނާގެ މޭ ވެސް ބާރުބާރަށް ތެޅެމުން ދެއެވެ. އޭނާ އިނީ ކަޅި ޖަހައިނުލައި، އެ ބިރުވެރި މޫނަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކު ބަލާން ހުރެފައި، އެ ދެމަފިރީންނާ ދިމާއަށް އެ މީހާ ގުދުވިއެވެ. ހައްވާދިޔެގެ މޫނުމަތީގައި، އޭނާގެ މުޑުދާރު އިނގިލިތަކުގެ ނުފުށުން ފިރުމައިލިއެވެ. މި މަންޒަރު ބަލާކަށް، އާދަނާއަކަށް ފަސޭހައެއް ނުވިއެވެ. ހައްވާދިޔެގެ ގައިގައި އެއްވެސް މީހަކު، ފުން އިނގިލިކުރި ވެސް ޖައްސާލުމަކީ، އޭނާގެ ހިތަށް ކުޅަދާނަވާވަރުގެ ކަމެއް ނޫނެވެ. އޭނާގެ ހަށިގަނޑުގެ ނާރުތަކުގައި ދައުރުވަމުން ދިޔަ ލޭ، ކުއްލިއަކަށް ހޫނުވެއްޖެއެވެ.
އާދަނާގެ ގާތަށް އައި ރުޅިއެއްގެ ބޮޑުކަމުން، އޭނާގެ ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. ގައިގައި ހުރި ބާރެއްލައިފައި، އެ އަތްމަތީގައި ވަރަށް ބާރަށް ޖަހައިފިއެވެ. އެ މީހާ ކުއްލިއަކަށް އަތް ދަމައިގަތެވެ. ވީ ތަދެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. އައި ރުޅިއެއްގެ ގަދަފަދަކަމުން، ދެ ލޯ ރަތްވެ، މީހާ ތުރުތުރުއަޅައިގަތެވެ. އާދަނާއަށާއި ހައްވާދިޔެއަށް ތިބެވުނީ، ނޭވާ ހިފަހައްޓާލައިގެންނެވެ. ދެމަފިރީންގެ ނަޒަރު ހުއްޓިފައި ހުރީ، އެ މީހާގެ ބޮޑުވެފައިވާ ދެ ލޮލަށެވެ. ތުރުތުރުއަޅަމުން ދިޔަ ހަށިގަނޑަށެވެ.
ރަންކަނި ބުރަބުރާ ހުރި ދެ ލޮލުން، އާދަނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި، އެ މީހާގެ އަތުގައި އޮތް ލޮންސި ރަނގަޅަށް އަތަށް ހެޔޮވަރުކޮށްލައިފިއެވެ. މައްޗަށް ދަމާލުމަށްފަހު، ހަމަ އެ ސިކުނތުގައި، އާދަނާގެ ބުރަކައްޓަށް ގަންނަވާލައިފިއެވެ. ވީ ތަދާއެކު އާދަނާއަށް ހަލޭއްލަވައިގަނެވުނެވެ. ހައްވާދިޔެގެ ގައިން އާދަނާގެ ދެ އަތް ދޫވެއްޖެއެވެ. ލިބުނު ސިހުމާއި ގަތް ބިރެއްގެ ބޮޑުކަމުން، ހައްވާދިޔެއަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. އޭނާއަޑް ސިހިފައި ހޭލެވުނީ އެ ވަގުތުގައެވެ. ހޭލެވުމާ އެކު ފުންމައިގެން ތެދުވެވުނެވެ. ދެ ލޯ ބޮޑުކޮށްފައި ވަށައިގެން ބަލައިލެވުނެވެ. މުޅި މާޙައުލުގައި ވަނީ މެންދަމުގެ ހަމަހިމޭންކަމެވެ. އެންމެން ތިބީ ނިދާ މަރުވެފައެވެ. އާދަނާ ވެސް ވަރަށް އަރާމުކޮށް ނިދާލާފައި އޮތެވެ.
ހައްވާދިޔެގެ ހިތް ބާރަށް ތެޅެމުންދެއެވެ. އޭނާއަށް ބެލެނީ ކައިރީގައި އޮތް ބިޔަ ރަށާދިމާއަށެވެ. ބިރުވެރި ނަޒަރަކުންނެވެ. މިއީ ކޮންފަދަ ރަށެއް ބާވައެވެ؟ މި ރަށުން އަހަރެމެންނަށް ކުރިމަތިވާނީ، ކޮންފަދަ ކަންތައްގަނޑެއް ބާވައެވެ؟ ރަށުގެ މަލަމަތި މިހާރު ވެސް އޭނާއަށް ފެންނަނީ، ބިރުވެރިކަމާއި އަނިޔާވެރިކަމުން ފުރިފައިވާ ފަދަ ގޮތަކަށެވެ.
އާދަނާއަށް ގޮވާން ކިތަންމެ ފަހަރަކު ހައްވާދިޔެ މަސައްކަތް ކޮށްފިއެވެ. އެހެންނަމަވެސް ނިދިފައި އޮތްލެއް އަރާމުކަމުން، އުނދަގޫކުރާކަށް ނުކެރުނެވެ. އެއް ފަހަރު އާދަނާއާ ދިމާއަށް، އަނެއް ފަހަރު ކުރިމަތީގައި އޮތް ރަށާ ދިމާއަށް، އަނެއް ފަހަރު ވަށައިގެން އޮތް މާހައުލަށް ބަލާން އިރުގަނޑަކު އިނދެފައި، އެންމެފަހުން އޭނާ އޮށޯތީއެވެ. މާތްކަލާނގެއާ ވަކީލުކޮށްލައިގެން އޮވެ، ނިދޭތޯއެވެ. އެހެންނަމަވެސް ނިދޭގޮތެއް ނުވެއެވެ. ބިރުގަންނަނީއެވެ. ހިތް ނުތަނަވަސްވަނީއެވެ. ލޯ މަރާލާއިރަށް ވެސް ހީވަނީ، އެ މީހުން ފެންނަހެންނެވެ. އެންމެ ފަހުން ހައްވާދިޔެއަށް ރޮވޭންފަށައިފިއެވެ. އާދަނާއަށް ހޭލެވިދާނެތީ، ނުރޮއި އޮވެވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ.
ހައްވާދިޔެ ކިތަންމެ ހިތްވަރެއް ކުރިޔަސް، އޭނާގެ ގިސްލުމުގެ އަޑު، އާދަނާގެ ކަންފަތުގެ ހިނދުރީތެރެއިން ސިކުނޑިއާ ހަމައަށް ފޯރައިފިއެވެ. ނިންޖަށް ހުރަސް އަޅައިފިއެވެ. އާދަނާއަށް ހޭލެވިއްޖެއެވެ. ހައްވާދިޔެގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު، އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.
“ކިހިނެއްވީ؟” އާދަނާގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ. އޭނާ ހީކުރީ، ހައްވާދިޔެއަށް ކަމެއްވީ ކަމަކަށެވެ.
“ބިރުގަންނަނީ.”
“ކޮންކަމަކާ؟”
ތަރިތައް ވިދާ ބަބުޅަމުން ދިޔަ އުޑުމައްޗަށް އާދަނާ ބަލައިލިއެވެ. މިއީ އަދި މެންދަމުގެ ވަގުތުކަން އެނގުނެވެ.
“ގޯސް ގޮތްގޮތަށް ނުވިސްނާ! އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއް ވެސް ދެން އަންނާނީ ރަނގަޅުވަމުން.” އާދަނާ އޮށޯވެ ހައްވާދިޔެގެ ގައިގައި ބައްދާލިއެވެ. ހައްވާދިޔެގެ ހަށިގަނޑު ރޫރޫ އަޅަމުންދާކަން އެ ވަގުތު އާދަނާއަށް އިހުސާސްކުރެވުނެވެ.
އެ ރޭގެ ބާކީ ވަގުތުތަކުގައި ހައްވާދިޔެއަށް، އެންމެ ލޮލުފިޔައެއް ވެސް ނުޖެހުނެވެ. ފަތިސްވުމުން އޭނާ އާދަނާއަށް ގޮވިއެވެ. އާދަނާ ތެދުވެ، އޮޑީގެ އެހެން މީހުންނަށް ގޮވައި، އެންމެން އެއް ޖަމާޢަތެއްގައި ފަތިސްނަމާދުގެ އަޅުކަން އަދާކުރިއެވެ. އޭރުވެސް ހައްވާދިޔެގެ ހިތް އޮތީ ބިރުވެރިކަމުން ފޯވެފައެވެ. ފެނުނު ބިރުވެރި، ނުރައްކާތެރި ހުވަފެނުގެ ހަނދާން ސިކުނޑިގައި ވަކިއަޅަމުން ގެންދެއެވެ. އޭނާގެ ހިތް ބުނަނީ، އިރު އަރައި އަލިވުމާ އެކު، ކޮންމެވެސް ކަންތައްގަނޑަކާ ލައިގަންނާނޭ ކަމަށެވެ.
އިރުއަރައި ދުނިޔެ އަލިވެއްޖެއެވެ. ކުރިމަތީގައި އޮތް ރަށް ރީތިކޮށް ފެންނާން އޮތެވެ. އެއީ ފިސާރި ބޮޑު ރަށެކެވެ. ބިޔަ ގަސްތަކުން ފުރި، ބަރާވެފައި އޮތް މާރަށެކެވެ. ޖެހެމުން ދިޔަ ވައިރޯޅިއާ ބައިވެރިވެގެން ތިބެ، ގަސްތައް ނަށަމުން އަތްއަތަށް ލެނގެމުން ގެންދެއެވެ. ގަސްތަކަށް އަންނަ މި ފަދަ ހަރަކާތަކާ އެކު، ހައްވާދިޔެއަށް ސިހުން ލިބެއެވެ. އޭނާއަށް އިނދެވެނީ، ދެ ލޯ ބޮޑުކޮށްގެން، އެ ރަށާދިމާއަށް ބަލާށެވެ. ގަސްތަކުގެ އެ ހެލިފެލިވުމަކީ، ކުރިއަށް އޮތް ވަގުތުތަކަށް ދޭ ނުރައްކާތެރި އިންޒާރެއް ކަމަށް ހިތް ބުނަމުން ގެންދެއެވެ.
“މިރަށުގެ އެއްވެސް ދިމާއަކުން ރުކެއް ނުފެނޭ ދޯ!” ރަށާ ދިމާއަށް އިރުކޮޅަކު ބަލަން އިނދެފައި، އާދަނާ މަޑުމަޑުން ބުނެލިއެވެ. އެހެން މީހުންނަށް އެކަން ފާހަގަކުރެވުނީ، އާދަނާ އެހެން ބުނުމުންނެވެ. އޭރު އެންމެން ތިބީ ހެނދުނުގެ ނާސްތާ ކުރުމުގައެވެ.
“ހޭޅިފަށުން ރުކެއް ނުފެނުނަސް، ރަށުތެރޭގައި ރުއް ހުރެދާނެ!” އަހުމަދުދީދީ ވެސް އިނީ ރަށާދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.
ދަމަކަށް އިރު އަރައިފިއެވެ. އެހައިއިރު ވީ އިރު ވެސް، އެ ރަށުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ކުޑަމިނުން އުދުހިލާފައި ދާ ދޫންޏެއް ވެސް ނުފެނެއެވެ.
“ރަށަށް ފައިބަމާ!” އެހެން މީހުންގެ ޚިޔާލެއް ބަލައިލަން އަހުމަދުދިދީ ބުނެލިއެވެ.
“މީ އެ ބުނާ އަންޒަމާނުކަރަ ކަންނޭނގެ! މަށަކަށް ނުފެނޭ ފައިބާކަށް.”
އަލިބެއްޔާ ބުނި އެއްޗަކުން، އެ ރަށަށް ފޭބުމުގެ ފިކުރު އެންމެން ދޫކޮށްލައިފިއެވެ. އޭނާ އެ ބުނިހެން ވެސް ވެދާނެއެވެ. އެހެން ވެއްޖެ ނަމަ، މި ރަށް ވާނީ ވަރަށް ނުރައްކާތެރި ބިރުވެރި ރަށަކަށެވެ. އެހެންކަމުން އެންމެންނަށް ވެސް ފެނުނީ، ވަގުތު ބޭކާރުނުކޮށް، އެ ރަށުން ފުރާށެވެ. މީހުން ދިރިއުޅޭ އެހެން ރަށެއް އަތުޖެހޭތޯ މަސައްކަތް ފަށާށެވެ.
ހައްވާދިޔެގެ ހިތަށް ހަމަޖެހުމެއް ލިބުނީ، އެ ރަށު ފަޅުން އޮޑި ނެރުމުންނެވެ. މިސްރާބު ޖެހީ އުތުރަށެވެ. ޖެހެމުންދިޔަ ނަލަ ވައިގައި، ހެޔޮވަރު ދުވެއްޔެއް އޮޑިއަށް ވަނީ ލިބިފައެވެ. އެކި މީހުން އެކި ތަނުގައި، އުއްމީދު ގެއްލިފައި ތިބި ކަހަލަ ގޮތަކަށް ތިއްބެވެ. އެކަކުގެ މޫނުމަތީން ވެސް ދިރުމެއް ނުފެނެއެވެ.
މިހާރު އެންމެ ބޮޑު ހިތާމައަކީ، އޮޑިން ފެންފޮދު ހުސްވަމުން އަންނަކަމެވެ. މުލަކުން ފުރިއިރު، އޮޑިއަށް ތިން ރުނބާ ފެން އެރުވިއެވެ. އެހެންނަމަވެސް އެއިން ދެ ރުނބާ ފެން ވަނީ، ލޮނު އެޅި ބޭނުން ނުކުރެވޭވަރު ވެފައެވެ. އަނެއް ރުނބާ އެހެރަ ދަނީ ހުސްވަމުންނެވެ. އެހެންކަމުން މީހުން ދިރިއުޅޭ ރަށެއް ފެނޭތޯ، ކޮންމެހެން ވެސް ވަނީ މަސައްކަތް ފަށާން ޖެހިފައެވެ.
މެންދުރުން އެނބުރިތަނާ ކަހަލަ ގޮތަކަށް، ވަރަށް ކައިރި ކައިރީގައި އޮތް ދެ ރަށް ފެނިއްޖެއެވެ. ވަގުތުން އެ ތަނުން ރަށަކާ ދިމާއަށް އޮޑީގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. މިއީ ކުރިން ފެނުނު ރަށަށްވުރެ ވެސް ބޮޑު ދެ ރަށެވެ. ރަށް ފެންނަގޮތުން ބޮޑަށް ލަފާކުރެވެނީ، ބިޔަ ރަށެއްގެ މެދުން، ބޮޑު ކޯރެއް ދެމިފައި އޮތީކަމަށެވެ. ކޮންމެއަކަސް ފެންނަނީ ކައިރިކައިރީގައި އޮތް ވަރަށް ބޮޑު ދެ ރަށުގެ ސިފައިގައެވެ.
އާދައިގެ ދުވެއްޔެއްގައި އެ ދެ ރަށާ ދިމާއަށް އޮޑި ދުވަމުންދެއެވެ. އޮޑީގައި ތިބި އެންމެންގެ ނަޒަރު ވެސް މިހާރު ހުއްޓިފައި ވަނީ، އެ ދެ ރަށާ ދިމާއަށެވެ. އުއްމީދުގެ ހުރިހައި ކޮޅެއް ވެސް، މި ވަގުތު ގުޅިފައި ހުރީ އެ ދެ ރަށަށެވެ. އެހެންނަމަވެސް ބައެއް ފަހަރު ނުތަނަވަސްކަން ވެސް ވެރިވެއެވެ. ގޮތް ނޭނގޭ ރަށްރަށްކަމަށްވާތީ ހިތުބިރު ބޮޑުވަނީއެވެ.
“މި ވެސް އަހަރެމެންގެ ރާއްޖޭގެ ރަށެއް ނޫން ދޯ!” އެ ރަށާ ދިމާއަށް އިރުގަނޑަކު ބަލާން އިނދެފައި، ހައްވާދިޔެ މަޑުމަޑުން އާދަނާގާތު އަހައިލިއެވެ.
“އާނ!”
“އަޅެ މިހެން އުޅެނިކޮށް، ރާއްޖޭގެ ރަށެއް ފެންނާނޭނަމަ ކިހާރަނގަޅު ދޯ!”
“އިރާދަކުރެއްވިއްޔާ އަދި ފެންނާނެ! ﷲއަށް ދުޢާކުރޭ!” ހައްވާދިޔެގެ އުއްމީދު ގެއްލިފައިވާ މޫނަށް އާދަނާ ބަލައިލިއެވެ. ހިތުގައި ފުނިޖެހިފައިވާ ކެކުޅުންތައް އެއްފަރާތަށް ކަހައިލަމުން ހިނިތުންވެލިއެވެ.
އޮޑި މިޞްރާބުޖެހީ ދެ ރަށް ދޭތެރޭގައި ކޯރެއްހެން އޮތް ކަނޑުއޮޅިއާ ދިމާއަށެވެ. އެ ކަނޑުއޮޅިއަށް ވަދެވުމާއެކު، އެ ތަނުގައި ހުރި ދަމާ އޮއިވަރެއްގައި، އޮޑި ޖެހިއްޖެއެވެ. އެއާއެކު އޮޑި އެތެރެއަށް ދަމައިގެންފިއެވެ. އޮޑީގައި ތިބި އެންމެންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެންމެން ހާސްވެގެން ތެޅިފޮޅިގަތެވެ. އެ އޮއިވަރުން އޮޑި ސަލާމަތްކުރެވޭތޯ، ވަގުތުން މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ކުރެވޭނެ މާބޮޑުކަމެއް ވެސް ނެތީއެވެ. މިދާ ގޮތަށް ދާ ނަމަ އޮޑި ގޮސް އަރާނީ، ކޮންފަދަ ތަނަކަށް ކަމެއްވެސް ނޭނގެއެވެ. ފަރަކަށް އަރައި ކުދިކުދި ވެސް ވެދާނެއެވެ.
އޮޑި ސަލާމަތް ކުރައްވާތޯ ދުޢާކޮށްލަ ކޮށްލާ ތިއްބާ، މެންދުރުން އެނބުރިފަހުން، އޮއިވަރު މަޑުވާން ފަށައިފިއެވެ. ބޭރު އޮއިވަރު ލިބިއްޖެއެވެ. އަމިއްލަ ހާލައިގެން އޮޑިއަށް ދުއްވައިގަނެވޭވަރު ވެއްޖެއެވެ. ވަގުތުން އޮޑީގެ މިޞްރާބު ބަދަލުކޮށްލައިފިއެވެ. ހިތް ނަގައި އަތްމައްޗަށް ލައިގެން ތިބި މީހުންގެ ހިތަށް، ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ.
އެތައް ހިސާބު ދުރަކަށް ދުއްވައި، ކޯރާ ފެޔަށް ޖެހި، ރަށާ ކައިރިކުރެވޭ ކަހަލަ އެހެން ދިމާއެއް ފެނޭތޯ ކެޔޮޅު އަހުމަދުދީދީ ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭރު އަސުރުން އިރު ތިރިވެއްޖެއެވެ. މިހާރު އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އިރު އޮއްސޭންވާއިރަށް އެ ރަށު ފަޅަށް ނުވަދެވިދާނެތީ ވާ ކަންބޮޑުވުމެވެ.
“ރަނގަޅު ދިމާއެއް ނުފެނޭދޯ!” އާދަނާ ގޮސް ހުންގާނުގައި ހުރި އަހުމަދުދީދީ ގާތު މަޑުކޮށްލިއެވެ. އޮޑީގައި ތިބި އެހެން މީހުންނެކޭ އެއްފަދައިން، އޭނާގެ ނަޒަރު ވެސް ހުއްޓިފައި ވަނީ، ކުރިމަތީގައި އޮތް ރަށާ ދިމާއަށެވެ. ފަޅަށް ވަދެވޭ ކަހަލަ ނެރެއް ފެނޭތޯ ބަލަނީއެވެ. ރަށުގެ ވަށައިގެން އޮތް ބިޔަ ފަރަށް މުގުރާ ބޮޑެތި ރާޅުތަކުގެ ސަބަބުން، މާ ބޮޑަށް ކައިރިކުރާކަށް ވެސް ނުކެރެއެވެ.
“އާނ، ވަރަށް ކަންބޮޑުވާން ފަށައިފި. ރަނގަޅު ދިމާއެއް ނުފެނި މިހެން އުޅެނިކޮށް، އިރު އޮއްސިއްޖެއްޔާ ދެން ނޭނގެ ހަދާނެ ގޮތެއް ވެސް.”
އަހުމަދުދީދީއަކީ މިހައި ހިސާބަށް ކަންތައް ދިޔައިރު ވެސް، ވަރަށް ކެތްތެރިކަމާއި ސާބިތުކަމާ އެކު، ކޮންމެ ކަމަކާ ވެސް ކުރިމަތިލަމުން އައި މީހެކެވެ. އެހެންނަމަވެސް މިހާރު އޭނާގެ މޫނުމަތީން ވެސް ފެންނަނީ ކަންބޮޑުވުމުގެ ޢަލާމާތްތަކެވެ. ހާލަތާއި ވަގުތުގެ ގޮތުން ނުތަނަވަސްކަން ބޮޑުވަނީއެވެ.
“އޭ، އަހަންމައިދީ! އެއޮއް ދިމާއިން ރާޅު މުގުރާތަނެއް ނުފެނޭ!” އޮޑީގެ ކުނބު ކައިރީގައި ހުރި ރެކިފުތާ، އެ ދެ ރަށުން އުތުރަށް އޮތް ރަށާ ދިމާއަށް އިޝާރާތް ކުރިއެވެ.
އުއްމީދު ކެނޑެމުން ދިޔަ އެންމެންގެ މޫނުމަތިން، އުއްމީދުގެ އަލިކަން ފެނުނެވެ. އަހުމަދުދީދީ އެންގީ ރިޔާ ފޮރޮޅައިލުމަށެވެ. ދަންމާނު އަތަށް އޮޅާލައިގެން، މަޅުތައްމަތީން އިންނަފަތްތައް މަތީން ފަރިތަކަމާ އެކު، އާދަނާ ދިރުނބާކޮޅަށް ދުއްވައިގަތެވެ. އިސާހިތަކު ރިޔާ ފުރޮޅާލައިފިއެވެ. ދަންމާނު ގެނެސް ދަންމާނުބުޅީގައި އަޅުވާލުމަށްފަހު، އަހުމަދުދީދީ އަތަށް ފޯރުކޮށްލައިފިއެވެ. އަހުމަދު ދީދީ ދަންމާނަށް ދޫޖައްސާލިއެވެ. ހުޝިޔާރުވެ ހުރެ، ނެރާ ދިމާއަށް އޮޑި ދީލާލައިފިއެވެ.
ނަސީބު ރަނގަޅުކަމުން، ވަރަށް ފަސޭހައިން އޮޑި ފަޅަށް ވެއްދިއްޖެއެވެ. ނެރަކު މާ ގަދަ އޮއިވަރެއް ވެސް ނެތެވެ. އެ ނެރަކީ ބަޔަކު ކަނޑާފައި އޮތް ނެރަކަށްވުރެ ގާތީ، ގުދުރަތީ ގޮތުން އުފެދިފައި އޮތް ނެރަކާއެވެ. އޮޑި ފަޅަށް ވަދެ، މަޑުދުވެއްޔެއްގައި ރަށާ އޮޑި ކައިރިކުރަމުން ގެންދިޔައެވެ.
“ހާދަ ފާޑަކަށް އޮތް ރަށެއް!” ހައްވާދިޔެ ރަށާ ދިމާއަށް ބަލަން އިނދެފައި އާދަނާގާތު ބުނެލިއެވެ.
“ކުރިން ދިޔަ ރަށެކޭ ދާދި އެއްގޮތެއްނު.” އާދަނާ ވެސް ހުރީ އެ ރަށާ ދިމާއަށް ބަލާށެވެ.
މިއީ ވެސް ބިޔަ ރަށެކެވެ. ތަފާތު ގަސްތަކުން ފުރި ބާރުވެފައި އޮތް ރަށެކެވެ. މި ރަށުން ކޮންމެވެސް ވަރަކަށް ރުއް ވެސް ފެންނާން ހުއްޓެވެ. ޖެހެމުން އަންނަ މަޑުމަޑު ވައިރޯޅިއާ އެކު، އެ ރަށުގައި ހުރި ރުއްގަސްތައް އެ މީހުންނަށް ހަނާއަޅަމުން ގެންދެއެވެ. މަރުޙަބާގެ ނެށުމަކުން ނަށަމުން ގެންދެއެވެ.
އޮޑި ގޮސް ކައިރިކުރީ، ރަށުގެ ހޭޅިފަށުން މޫދަށް ލެނބިފައި އޮތް، ބިޔަ ގަހަކާ ދިމާއަށެވެ. އޮޑި އައްދޮށްކޮށް، އެ ގަހުގެ ގޮފިގަނޑެއްގައި ދިރުނބާކޮޅު ވާ އައްސައި، ފަސޭހައިން އެއްގަމަށް ފޭބޭނޭގޮތަށް އޮޑި އަޅާލައިފިއެވެ.
“މި ރަށަށް ވާނެ ފައިބަން.” އަހުމަދުދީދީ އޮޑީގެ ދިރުނބާކޮޅަށް އަންނަމުން ބުނެލިއެވެ. “ފެންފޮދު ވެސް ހުސްވާން އުޅެނީ. ބޯފެންފޮދެއް ލިބުނަސް ކިހާ ރަނގަޅު.”
“މަށަކަށް ލާހިކެއްނޫން ފައިބާކަށް!” އަލިފުތާ ވަގުތުން ފަހަތަށް ޖެހުނެވެ.
“މަށަށް ވެސް ފެންނަނީ މި ރަށަށް ފައިބަން. އިރާދަކުރައްވައިގެން ރަނގަޅު ގޮތެއް ވެސް ވެދާނެއެއްނު.” އަހުމަދުދީދީގެ ޚިޔާލަށް ތާޢީދުކޮށް އާދަނާ ބުންޏެވެ.
“އާދަނާއަށް ކެރޭނެތަ މަށާ އެކު ފައިބަން؟”
“އާނ! ކެރިދާނެ!” އާދަނާ ބަލައިލީ، ހައްވާދިޔެއާ ދިމާއަށެވެ. ހައްވާދިޔެ ބުނާ އެއްޗެއް ބަލައިލާން ބޭނުންވަނީ ކަންނޭނގެއެވެ.
ފެނުނު ހުވަފެނުގެ ބިރުވެރިކަން ހައްވާދިޔެގެ ހިތަށް ވަގުތުން ވެރިވެގެންފިއެވެ. އާދަނާ އެ ރަށަށް ފައިބާކަށް އޭނާގެ ހިތެއް ނޭދުނެވެ. ގޮތް ނޭނގޭ ރަށަކަށް ފައިބައިގެން އުޅެނިކޮށް، ކޮންމެ ފަދަ ކަމަކާ ވެސް ދިމާވެދާނެއެވެ. އާދަނާއަށް ދެރަގޮތެއް ވެއްޖެ ނަމަ، އޭނާގެ ދުވަސް ދިޔައީއެވެ. ދިރިހުއްޓާ މަރުވީއެވެ. ކަފުންކޮށް ވަޅު ވެސް ލީއެވެ. ހުއްޓުން އަރާފައި އޭނާއަށް އިނދެވުނީ އެހެންވެގެންނެވެ.
“ހައްވާދިޔެގެ މައްސަލައެއް ނޯންނާނެ، ދޯ!” ހައްވާދިޔެއާ ދިމާއަށް ބަލައިލަމުން އަހުމަދުދީދީ ނިތް އަރުވައިލިއެވެ.
ހައްވާދިޔެ މަސައްކަތްކުރީ، ނޫނެކޭ ބުނުމަށް ޓަކައި ބޯ ހަލުވައިލާށެވެ. އެހެންނަމަވެސް އޭނާއަށް ބޯ ޖަހައިލެވުނީއެވެ. އާނއެކޭ ބުނެ އެއްބަސްވެވުނީއެވެ. އަހުމަދުދީދީގެ ކުރިމަތީގައި، ދެކޮޅު ހެދުމުގެ ހިތްވަރު ނުލިބުނީއެވެ.
“އަވަހަށް ހިނގާ އާދަނާ! އިރު އޮއްސުމުގެ ކުރީން އޮޑިއަށް އެރޭތޯ ބަލާންވާނެ!” އާދަނާގެ އަތުގައި ހިފައިގެން އަހުމަދުދީދީ އޮޑިން ފައިބައިފިއެވެ. އާދަނާ ފޭބީ ފައިބާހިތަކުން ނޫނެވެ. ހައްވާދިޔެ އެ އިނީ ވަރަށް ބޮޑަށް ކަންބޮޑުވެ، ހާސްވެފައިކަން އޭނާއަށް އެނގެއެވެ. ހައްވާދިޔެ ދެރަވާ ކަހަލަ ކަމެއް ކުރުމަކީ، އާދަނާއަށް ފަސޭހަކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ހައްވާދިޔެ އަބަދުވެސް ހިނިތުންވެފައި އިންނަތަން ދެކޭށެވެ. އުފަލުގައި އުޅޭތަން ބަލާށެވެ. އެހެންނަމަވެސް އަހުމަދުދީދީގެ ކުރިމަތީގައި، ދެކޮޅުހަދާހައި ހިތްވަރެއް ވެސް ނުލިބުނެވެ.
އޮޑިން ފައިބައިގެން އަހުމަދުދީދީގެ ފަހަތުން އާދަނާ ހިނގައިގަތެވެ. ހައްވާދިޔެ އިނީ ކަޅިޖަހާނުލައި، އާދަނާއާ ދިމާއަށް ބަލާށެވެ. ބިރުވެރިކަމާއި ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި، ރަނގަޅަށް ހައްޔަރުވެފައެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދެއެވެ. އާދަނާއަށް ދެރަގޮތެއް ދިމާނުވެ، ސަލާމަތުން އެނބުރި އާދެވޭތޯ ހިތާހިތުން ދުޢާކުރަމުން ގެންދިޔައެވެ. އެ ވަގުތު ހައްވާދިޔެގެ ހިތުގެ އަޑު އާދަނާއަށް އިވޭ ނަމަ، ހަމަގައިމު ވެސް އާދަނާއަށް، އެ ގޮތަށް ދާކަށް ފަސޭހައެއް ނުވާނެއެވެ.
އަހުމަދުދީދީއާއި އާދަނާ ހިނގަމުން ދިޔައީ، ގޮނޑުދޮށުން ރާޅުފެނަށްވުރެ އެއްގަމުންނެވެ. ރަށުގެ އުތުރު ފަރާތާވީ ކޮޅަށެވެ. ގޮނޑުދޮށުގައި އޮތް މުށިކުލައިގެ ހިމުން ވެލިގަނޑު މަތީގައެވެ. ރަށަކީ ފަސްގަނޑު އިންތިހާއަށް އުސް ރަށެކެވެ. އެ މީހުން ހިނގަމުން ދިޔައީ، ފަސޭހައިން އެއްގަމަށް އެރޭނެ ކަހަލަ މަގެއް ފެނޭތޯ ބަލަމުންނެވެ.
ވަކިހިސާބަކަށް ދިޔަތަނާ ތަންކޮޅެއް ދުރުން، ރުކެއް ފެނިއްޖެއެވެ. އެ ދެ މީހުން ބާރުބާރަށް އެ ދިމާއަށް ހިނގައިގަތެވެ. ކައިރިއަށް ގޮސް ބެލިއިރު، އެއީ މަތިވަރު ހުސްވެފައިވާ ރުކެކެވެ. ގޮނބޮޅިއެއްހައި މިންވަރު ވެސް ނެތެވެ. ލިބުނު މާޔޫސްކަމާއެކު، އެނބުރި އައިކޮޅަށް ހިނގައިގަންނާން ފިޔަވަޅެއް އެޅިތަނާ، އާދަނާގެ ލޮލުގައި އަޅައިގަތީ، ރުކާ މާދުރުނޫން ހިސާބެއްގައި ދުވެފައި އޮތް ވެލެކެވެ.
“އެ ވެލުން އެ ފެންނަނީ ކޯއްޗެއް؟” ވެލުގައި އަޅާފައި އޮތް އަނބަކަށްވުރެ ތަންކޮޅެއް ބޮޑު، ރަތްކުލައިގެ މޭވާއެއް ފާޑުގެ އެއްޗަކަށް އާދަނާ އިޝާރާތްކުރިއެވެ.
“ހިނގާ ބަލައިލަމާ!” އަހުމަދުދީދީ އެ އާދިމާއަށް ހިނގައިގަތެވެ. “ފާޑެއްގެ މޭވާއެއް ދޯ!”
އެ އެވެލުގައި އެ ވައްތަރުގެ މޭވާ ވަރަށް ގިނައިން އަޅާފައި ހުއްޓެވެ. ޅަ އެއްޗެހި ހުރީ ފެހި ކުލައިގައެވެ. ރަތްކުލަ އަރަނީ ދޮންވެ ފައްކާވީމައެވެ.
އާދަނާ އެވެލުން މޭވާއެއް ބިނދެލައިފިއެވެ. އިރުކޮޅަކު ބަލަން ހުރެފައި، ރަހަ ބަލައިލުމުގެ ގޮތުން ދަތުން އެތިކޮޅެއް ނަޓައި ހަފާލައިފިއެވެ. މަޑުމަޑު ހުތް ފޮނިރަހައެއް ހުރި، ވަރަށް މީރު މޭވާކެވެ. އަހުމަދުދީދީ ވެސް މޭވާއެއް ބިނދެލައިފިއެވެ. ދެ މީހުން ދެ އެތި ކާލައިގެން، ދެ މީހުންގެ އުނގު ފުރައި މޭވާ ބިނދެގެން، ދޯންޏާ ދިމާއަށް ހިނގައިގެންފިއެވެ.
އާދަނާ އަންނަތަން ފެނިފައި، ހައްވާދިޔެއަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ތެޅިތެޅި އޮތް ހިތަށް ފިނިކަން ލިބުނެވެ. ދެބައިކުޅަ އެއްބައި މަރުވެފައި އިންދާ ދިރުން ލިބުނު ކަހަލައެވެ. ބޭއިޚުތިޔާރުގައި، ފުންމައިގެން ތެދުވެވުނެވެ.
“އެ އޮތް އަންނަނީ އެ މީހުން.” ލިބުނު އުފަލާ އެކު، ހައްވާދިޔެއަށް ބާރަށް ބުނެވުނެވެ. އޭނާގެ އަޑަށް އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. ހައްވާދިޔެއަށް ލިބިފައިވާ އުފާވެރިކަން، އޮޑީގެ އެހެން މީހުންނަށް ވެސް ފާހަގަކުރެވުނެވެ.
“ވަރަށް މީރު މޭވާއެއް މިހިރީ.” ގެނައި މޭވާތައް އޮޑީގެ މަޅުމައްޗަށް، އަޅައިލަމުން އާދަނާ ބުނެލިއެވެ.
“ރަށުތެރެއަށް އެރޭގޮތްވިތަ؟” އަލިބެއްޔާ އަހައިލިއެވެ.
“އެ ކަމެއް ނުވި. ދޯ އާދަނާ! އިރު އޮއްސޭތީ މާ ދުރަށް ދާން ނުކެރިގެން މިއައީ.”
“އާނ، ގުންޑޮޅި އުސްކަމުން އެ ކަމެއް ނުވި.” އާދަނާ އައިސް ހައްވާދިޔެއަށް މޭވާއެއް ދިއްކޮށްލިއެވެ. “ކައިލަބަލަ! ވަރަށް މީރު އެއްޗެއް!”
ގެނައި މޭވާތައް އޮޑީގެ އެންމެންނަށް ބަހައިލައިފިއެވެ. ކޮންމެ މީހަކަށް ވެސް، އެ މޭވާ ވީ، ވަރަށް މީރު އެއްޗަކަށެވެ. އެއީ މީގެ ކުރިން އެއިން އެކަކު ވެސް، ކޭ ބާވަތަކު މޭވާއެއް ނޫނެވެ. ކިޔާ ނަމެއް އެނގޭ މީހަކު ވެސް ނެތެވެ.
އިރު އޮއްސި އަނދިރި ވެއްޖެއެވެ. އެހެންކަމުން އެންމެން ވެސް ގަސްދުކުރީ ނަމާދުކޮށް، ކައިގެން ނިދާލުމަށެވެ. މާދަމާ ހެނދުނު ތެދުވެ، ރަށް ވަށައިގެން ދުއްވައި، މީހެއްގެ ނުވަތަ ބަޔެއްގެ ހިލަމެއްވޭތޯ މަސައްކަތް ފެށުމަށް ޓަކައެވެ. މި ރޭ ދެން ކުރެވޭނެ އިތުރުކަމެއް ވެސް ނެތީމައެވެ.
ކުރީރޭ ރަނގަޅަށް ނުނިދުމުގެ ސަބަބުން، މިރޭ ހައްވާދިޔެއަށް ވަރަށް ފަސޭހައިން ނިދިއްޖެއެވެ. އުޑުމަތީގައި ވިދާ ބަބުޅަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން، ރަށުގެ ހަނދާންތަކާއި މަންމަގެ ޚިޔާލުތަކުގެ ތެރޭގައި އޮއްވާ، ނިދުނީ ކިހައި އިރަކުކަމެއް ވެސް ނޭނގެއެވެ. ހޭލެވުނީ ފަތިހުއެވެ.
ހެނދު ނާސްތާ ކޮށްލައިގެން، އަނެއްކާވެސް ދަތުރަށް ފެށީއެވެ. އެހެންނަމަވެސް މި ފަހަރު ދަތުރަށް ފެށީ، އެހެން ރަށަކަށް ދާކަށް ނޫނެވެ. މި ރަށުން މީހަކު ފެނޭތޯ، ރަށް ވަށައި ދުއްވާށެވެ. އެހެންކަމުން ރަށުގެ ބަނޑުދޮށުގައި އޮޑި ބާއްވައިގެން، މަޑުމަޑުން ކުރިއަށް ދުއްވީއެވެ. ދުވަހަކީ ވައި މަޑު ދުވަހަކަށްވާތީ، އޮޑިއަކަށް ހަރު ދުވެއްޔެއް ނުލިބެއެވެ. ފިނިހަކަ ދުވެލީގައި އޮޑި ފިރުކެމުން ދިޔައިރު، ކޮންމެ މީހެއްގެ ވެސް ކަޅި ހުއްޓިފައި ހުންނަނީ، އެ މީހުންނާ ފަނަރަ ވަރަކަށް، ވިއްސަކަށް ފޫޓު ދުރުގައި އޮތް، ބިޔަ ރަށާ ދިމާއަށެވެ. މެންދުރުން އަނބުރައި، އަސުރުން އިރު ތިރިވިއިރު ވެސް، ބުރު ހަމައެއް ނުކުރެވުނެވެ. އެ ރަށުން މީހަކު ނުފެނުނު ތާނގައި، ދިރޭ ސޫތްޕެއްހައި ހިސާބު ވެސް ނުފެނުނެވެ.
އިރުއޮއްސެން ކައިރިވުމުން، އަނެއްކާވެސް އޮޑި އެއްގަމާ ކައިރިކޮށްފިއެވެ. މޫދަށް ލެނބިފައި އޮތް ގަހެއްގެ ގޮފިގަނޑެއްގައި ވާ އައްސައި، އޮޑި އަޅައިފިއެވެ. އޮޑިން ބޯފެން ހުސްވާތީ، އެ މީހުންނަށް ފެނުނީ އަނެއްކާވެސް އެ ރަށަށް ފައިބާށެވެ. ފެންފޮދެއް ލިބޭތޯ ރަށުތެރޭގައި ހިނގާލުމަށެވެ.
މިފަހަރުވެސް ފޭބީ އަހުމަދުދީދީއާއި އާދަނާއާ ދެ މީހުންނެވެ. އެ މީހުން އުޅުނީ ރަށުތެރެއަށް އެރޭތޯއެވެ. އެއްގަމަށް އެރެނިކޮށް، ފަހަރެއްގައި ބޯން ކަމުދާ ކަހަލަ ފެންކޯރެއް ވެސް ފެނިދާނެކަމަށް ބަލާފައެވެ. އެހެންނަމަވެސް އެއިން ދިމާއަކުން އެއްގަމަށް އެރޭގޮތެއް ނުވިއެވެ. މުޅި ހޭޅިފަށުގައި ހެދިފައި ވަނީ ރަނޑުލެވެ. މުޅި ސަރަޙައްދު އޮތީ، ކަކުލާ ހަމައަށް ނުވަތަ އެއަށްވުރެވެސް ފުނަށް ގަނބައިގަންނަ ފަދަ ގޮތަކަށް އޮތް ކިލާ ފެންގަނޑެކެވެ. އެހެންކަމުން އިރު އޮއްސޭން ކައިރިވާތީއާ އެކު ޖެހުނީ އޮޑިއާ ދިމާއަށް މިސްރާބު ބަދަލުކޮށްލާށެވެ.
ކަންވީގޮތް އޮޑީގެ މީހުންނަށް ކިޔައިދިނުމަށްފަހު، އަހުމަދުދީދީ ޖައްސާލީ، ކޮޅުފަސްކޮޅު ފިލާގަނޑު މަތީގައެވެ. އޭނާ ވިސްނަމުން ގެންދިޔައީ، ދެން ހަދާނޭ ގޮތަކާމެދުގައެވެ. ފެން ހުސްވެއްޖިއްޔާ، ހަމަ ޔަގީނުންވެސް ކޮންމެވެސް އެއް ބަޔަކު ފެނަށް ބަލިވެ، މަރުވާތަން އަނެއް ބަޔަކު ދެކޭނެއެވެ. އެހެންކަމުން ހުރި ފެންފޮދު ހުސްނުވަނީސް ކޮންމެވެސް ގޮތަކުން އޮޑިއަށް ބޯފެން އަރުވާން އެބަޖެހެއެވެ.
މިކަހަލަ ފިކުރެއްގައި އަހުމަދުދީދީ އޮތްއިރު، ދިރުނބާކޮޅު މަޅުމަތީގައި އަދަނާއާއި ހައްވާދިޔެއާއި އާދަންފުތާއާއި މޫސާފުތާ ތިބީ، އެގޮތް މިގޮތުގެ ވާހަކައިގައެވެ. ދައްކާނެ މާ ޚާއްޞަ ވާހަކައެއް ވެސް މިހާރަކު ނުހުރެއެވެ. ކޫސަނި ވާހަކައިގައި އެހެން ތިއްބާ، ހައްވާދިޔެގެ ލޮލުގައި އަޅިގަތް މަންޒަރަކުން، އޭނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އެއާއެކު ޖެހިގެން އިން އާދަނާގެ ގައިގައި ބާރަށް ބައްދައިގަނެވުނެވެ. ލިބުނު ކުއްލި ސިހުމާ އެކު، އާދަންފުތާއާއި މޫސާފުތާއާއި އާދަނާއަށް އެ ދިމާއަށް ބަލައިލެވުނެވެ. އެވަގުތު އެ މީހުންނަށް ވެސް ތެޅިގަނެވުނެވެ. ފުންމައިގެން ތެދުވެވުނެވެ.
ފިކުރުގެ ފުން ދުނިޔެއަކަށް ވަދެ، ހުސްވެފައި އޮތް އަހުމަދުދީދީއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހަޅޭއްލަވައިގަތް އަޑަށެވެ. ތެޅިފޮޅިގަތް އަޑަށެވެ. ރޮއިގަތް އަޑަށެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ވެގެން އުޅޭގޮތެއް ބެލުމަށް ޓަކައި، ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ހުއްޓުން އެރިއެވެ. މޭ ތެޅިގަތީ ގަތް ބިރެއްގެ ބޮޑުކަމުންނެވެ. އޮޑީގެ ފުށަތުވާ އައްސާފައި އޮތް ގޮފިގަނޑުމަތީން، ދޯންޏާ ދިމާއަށް ދެމެދުން މިހިރަ އަންނަނީ ބިޔަ ހަރުފައެކެވެ. ގޮފިގަނޑަށްވުރެ، އެ އެތިފަހަރު ފަލަކަމުން، އޮޑިއާ ހަމައަށް ނާދެވިގެން އުޅެނީއެވެ.
އަހުމަދުދީދީ ބަލާކަށް ނުހުރެ، ކުރިއަށް ޖެހިލުމަށްފަހު ނެގީ، ކައިރީގައި އޮތް މަސްވަޅިއެވެ. އޭނާ އެ އުޅެނީ ކީއްކުރާން ބާވައެވެ؟ އެ ވަޅީން ހަރުފައަށް ހަމަލާއެއް ދޭން ބާވައެވެ؟ އެކަމަކު އެ ކަހަލަ މޮޔަކަމެއް ކުރާން ވެދާނެބާވައެވެ؟ ކުޑަކުޑަ ވަޅިއެއް ހިފައިގެން، އެ ފަދަ ބިޔަ ނާގަހަރުފައަކާ ކުރިމަތިލާން ހެޔޮވެދާނެ ހެއްޔެވެ؟
ލިބުނު ކުއްލި ސިހުމާއި ގަތް ބިރެއްގެ ބޮޑުކަމުން، އެންމެން ކަހަލަ ގޮތަކަށް ހުއްޓުން އަރާފައި ތިއްބާ، އަހުމަދުދީދީ، ވަޅި ނަގައިގެން އެދިޔަ ބާރު މިނުގައި ގޮސް، އޮޑީގެ ފުށުވާ، މަތިކަނާ ހަމައިން ޖަހައި ބުރިކޮށްލައިފިއެވެ. އެއަށްފަހު، ރިތެއް ނަގައި، އަވަސްއަވަހަށް އޮޑި ފުންކޮށްލައިފިއެވެ. އޭރު އެ ގަހާ ދިމާއަށް ހަމަ އެ ވަރުގެ ތިން ހަތަރު ހަރުފަ، ގުދުގުދުލަމުން ދުވެފައި އާދެއެވެ.
ތެޅިތެޅި އޮތް ހިތަކާ އެކު، އެންމެން އެ ބިރުވެރި މަންޒަރަށް ބަލާން ތިއްބެވެ. ހަރުފައަކީ ދިވެހީންނަށް ވަރަށް ބީރައްޓެހި އެއްޗެކެވެ. ހަމަ ލޮލުން ފެންނާނީ ވަރަށް މަދު މީހަކަށް، މަދު ހާލަތެއްގައެވެ. މި އޮޑީގައި ތިބި އެއްވެސް މީހަކަށް މީގެ ކުރީން ހަރުފައެއް ފެނިފައެއް ނެތެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އެ ދިމާއަށް ބެލެނީ، ބިރުން ފިތްކެނޑިފައި ތިބި ހާލުގައެވެ.
ތަންކޮޅަކަށް ދިޔަތަނާ، އެ މީހުންގެ ލޮލުގައި އަޅައިގަތީ، އެ ރަށުގެ ދެކުނު ކޮޅުގައި ވަރަށް އުސްކޮށް އޮތް، ބޮޑު ފަރުބަދަގަނޑެއް ކަހަލަ ރަށެކެވެ. އޮޑި މިސްރާބުޖެހީ އެ ދިމާއަށެވެ. ކުރިމަތީގައި އޮތީގައި ރޭގަނޑު ކަމަށް ވާތީއާއި، އަނެއް ރަށުން ކުރިމަތިވި ބިރުވެރި ހާދިސާގެ ސަބަބުން، އެއްވެސް މީހަކަށް، އެރަށާ ކައިރިކުރާކަށް ނުފެނުނެވެ. އެހެންކަމުން ވަކި ހިސާބަކަށް ދިޔުމަށްފަހު، ތިލަ ހިސާބަކަށް ނަގިލި ލައި އޮޑި އެޅީއެވެ.
އިރުއޮއްސި ޖައްވު އަނދިރި ވެއްޖެއެވެ. ފެނުނު ބޮޑެތި ހަރުފަތަކުގެ ސަބަބުން، ހިތަށް ވެރިވި ބިރުވެރިކަން އަދި ވެސް ފިލާގޮތެއް ނުވެއެވެ. ހިތަށް އަރަނީ ވަރަށް ނުބައި ކޮށެވެ. މޫދުތެރެއިން ވެސް އެއިން އެއްޗެއް އަތުވެދާނެއެވެ. އެ ފަދަ ބޮޑު ހަރުފައެއް އައިސް އޮޑިއަށް އަރައިފި ނަމަ، ހަމަ އެކަކު ވެސް ސަލާމަތްވާނެއެކޭ ހިއެއް ނުވެއެވެ.
މިކަހަލަ ބިރުވެރިކަމެއްގައި ތިބޭން ޖެހުމުން، މާ ރަނގަޅަކަށް އެކަކަށްވެސް އެރެއަކު ނިދޭގޮތެއް ނުވިއެވެ. ބައެއް މީހުން ދެ ގަޑިއެއްހާއިރު، އަނެއްބައި މީހުން ތިން ގަޑިއެއްހާއިރު ނިދާލުމަށްފަހު، އިރު އެރުމުން އޮޑީގައި ހުރި އެއްޗަކުން ނާސްތާކޮށްލައިގެން، އޮޑި ނެގީ، ކުރިމަތީގައި އޮތް ރަށާ ކައިރި ކުރުމަށެވެ. ކޮންމެގޮތެއް ހަދާފައި ވެސް، ބޯފެން ހޯދަން އެބަ ޖެހެއެވެ. ބައެއް މީހުންގެ ޚިޔާލު ތަފާތުވި ނަމަވެސް، މި ވަގުތުގެ ހާލަތަށް ބަލާއިރު، އެ ނޫން ގޮތެއް ނެތެވެ.
އެ ރަށުގެ ގޮނޑުދޮށަށް އޮޑި ބީއްސާލިއިރު، އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ، އެ ރަށާ ދިމާއަށެވެ. މީގެކުރީން ކައިރިކުރި ރަށްރަށާ ތަފާތު ކަމެއް މި ރަށުން ފެނުނެވެ. މާ ބޯ ހޭޅިއެއް މި ރަށަކު ނެތެވެ. އެއްގަމަށް އެރޭގޮތަށް ގުންޑޮޅި ކެނޑިފައި ހުރި އެތައް ތަނެއް އެބަހުއްޓެވެ.
“މި ރަށަށުގެ އެއްގަމަށް އެރޭނެ ކަންނޭނގެ.” އަހުމަދުދީދީ ރަށާ ދިމާއަށް ބަލަން ހުރެފައި ބުންޏެވެ.
“މަށަށް ހީވަނީ ކެނޑިފައި ތި ހިރީ، ވާރޭވެހޭއިރު ފަރުބަދަމަތީން ފެންފައިބާ މަގުތަކެއްހެން. އެ ތަން ވަރަށް ކައްސާނެހެން ހީވަނީ.” އާދަނާ ހުރީ އަހުމަދުދީދީ ގާތުގައެވެ.
“ތިހެން ވެއްޖިއްޔާ މި ރަށުން ފެންކޯރެއް ފެނުމަކީ، ވަރަށް އެކަށީގެންވާ ކަމެއް.” އެޅެފުތާގެ މުހައްމަދު، ލޯކުޑަކޮށްގެން ރަށާ ދިމާއަށް ބަލަން ހުއްޓެވެ. “ހިނގާ ފައިބަމާ! މި ފަހަރު މަ ވެސް ދާނަން!”
އަހުމަދުދީދީއާއި އާދަނާގެ އިތުރުން އަލިފުތާއާއި އެޅެފުތާގެ މުޙައްމަދު ފައިބައިފިއެވެ. ކޮންމެ މީހަކު ރުނބައެއް ހިފައިގެންނެވެ. ފަސްގަނޑު ހަރުކަމުން، ހިލަވެލީގެ ގޮނޑުދޮށުގައި ހިނގާކަށް ދައްޗެއް ނޫނެވެ.
“ތި އޮތް ފައިބަނީ ފެން.” އާދަނާއަށް ބާރަށް ބުނެވުނެވެ. ވަކި ހިސާބަކަށް ދިޔަތަނާ ވަރަށް ދުރުން، ފަރުބަދަގަނޑެއްގެ މަތީން ސައިލު ހެދިގެން ފައިބާ ފެންގަނޑެއް ފެނިފައެވެ. އެ ވަގުތު އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. ފެނުނީ އުފާވެރި މަންޒަރެކެވެ.
“ހިނގާ އަވަހަށް މި ދިމާއިން އެއްގަމަށް އަރަމާ! ޔަޤީން މި ދިމާގައި ފެންގަނޑެއް އޮންނާކަން!”
އަހުމަދުދީދީގެ ފަހަތުން އެންމެން އެއްގަމަށް އަރަން ހިނގައިގަތެވެ. ނަސީބު ރަނގަޅުކަމުން، މާ ދުރަށް ހިނގާކަށް ނުޖެހުނެވެ. ބޮޑު ފެންގަނޑެއް ފެނިއްޖެއެވެ. އެންމެން ރުނބާތައް ހިފައިގެން، އެ ދިމާއަށް ޖެހިލިއެވެ. ފަހަރަކު ރުނބަޔަކަށް ފެންފުރާން ފެށިއެވެ. މިހެން އުޅުނު އުޅުމުގެ ތެރޭގައި، އަހުމަދުދިދީގެ ލޮލުގައި އަޅައިގަތް މަންޒަރެއްގެ ސަބަބުން، ކުޑަ ހިނދުކޮޅަކަށް އޭނާ ހުއްޓުން އަރައިފިއެވެ. ދެ ލޯ ބޮޑުވެއްޖެއެވެ. މޭތެޅިގެންފިއެވެ. ގައިން ހީބިހި ނަގައިގެންފިއެވެ. ވަށައިގެން އޮތް ބިޔަ ޖަންގައްޔަށް ބަލާން ފެށުނެވެ.
“އާދަނާ!” އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް އިން އާދަނާއަށް، އަހުމަދުދީދީ ގޮވައިލިއެވެ. އާދަނާ އިނީ ރުނބައަށް ފެންފުރާށެވެ.
“ކީކޭ؟” އަހުމަދުދީދީއާ ދިމާއަށް ބަލައިލުމެއްނެތި، އާދައިގެ ގޮތަކަށް އާދަނާ އަހައިލިއެވެ.
“ނިކަން މި ދިމާއަށް ބަލައިލަބަލަ!” އަހުމަދުދީދީގެ އަޑުގައި ހުރި ކަންބޮޑުވުމުގެ އަސަރު، މި ފަހަރު އާދަނާއަށް ފާހަގަކުރެވުނެވެ. އޭނާއަށް އަވަސް އަވަހަށް އަހުމަދުދީދީ އިޝާރާތްކުރި ދިމާއަށް ބަލައިލެވުނެވެ. އަނެއް ދެ މީހުން ވެސް ބަލައިލިއެވެ. ލޮލުގައި އަޅައިގަތީ، އާދައިގެ މަންޒަރެއް ނޫނެވެ. އެ ދިމާ ބިންމަތީން ފެންނާން ހުރީ، ބިޔަ ޖަނަވާރެއްގެ މޮށްގަނޑުގެ ނިޝާންތަކެވެ. މި މަންޒަރު ދެން ތިބި ދެ މީހުންނަށް ވެސް ފެނިއްޖެއެވެ.
“މިތަނުން އަވަހަށް ދަމާ ހިނގާ!”
ފެން ފުރުނު ދެ ރުނބާގެ ތެރެއިން، ކޮންމެ ރުނބައެއްގެ ދެ ފަރާތުގައި ދެ މީހުން ހިފައިގެން، ދޯންޏާ ދިމާއަށް އަވަސްއަވަހަށް ހަރުކޮށް ހިނގައިގަތެވެ. އަނެއް ދެ ރުނބާ ބަހައްޓާފައެވެ. އޭރު އެއިން ކޮންމެ މީހެއްގެ ހިތް ވެސް ހެސްކިޔާފައި ތެޅެމުންދެއެވެ. އެއިން ޖަނަވާރަކަށް އެ މީހުން ފެނިއްޖެއްޔާ ސަލާމަތްނުވާނޭކަން ކަށަވަރެވެ.
“އަނެއް ދެ ރުނބާ ބަލާ ދާން ކެރޭނެތަ؟” އޮޑިއާ ހަމައަށް ގޮސްފައި، އަލިފުތާގެ މޫނަށް ބަލައިލަމުން އަހުމަދުދީދީ އަހައިލިއެވެ.
“ކެރިދާނެ!” ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް އަލިފުތާ ބުނެލިއެވެ. އެއްގަމާ ދިމާއަށް ބަލައިލަމުންނެވެ. “ހިނގާދާން!” އެޅެފުތާގެ މުހައްމަދާ ގާތުގައި އަލިފުތާ ބުންޏެވެ.
“ދެން ފެން އަޅަން އުޅޭނެކަމެއްނެތް. ދެ ރުނބާ ހިފައިގެން އާދޭ!” އަހުމަދުދީދީއާއި އާދަނާ އުޅުނީ، ފެން އަޅައިގެން ގެނައި ދެ ރުނބާ އޮޑިއަށް އަރުވާށެވެ. އޮޑީގައި ތިބި މީހުންގެ އެހީތެރިކަމާ ވެސް އެކުގައެވެ.
އަނެއް ދެ ރުނބާ ބަލައި ހިނގައިގަތް، އަލިފުތާއާއި އެޅެފުތާގެ މުޙައްމަދާއަށް ކުރިއަށް އެޅުނީ ހައެއްކަ ފިޔަވަޅެވެ. ރަށުތެރެއިން ޖަނަވާރުތަކެއް ހޭރިގަތް އަޑު ކަންފަތުގައި ޖެހުނެވެ. ވަގުތުން އެ ދެ މީހުންގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. ހިތް ތެޅިގަތެވެ. ދެ ފައިން ވާގި ދާން އުޅުނު ކަހަލައެވެ.
“އަވަހަށް އާދޭ!” އޮޑިން މީހަކު ގޮވައިލި އަޑު އިވުނެވެ.
ހަމަ އެ ވަގުތު، ދެ ވަނަ ފަހަރަށް ޖަނަވާރުތައް ހޭރިގަތް އަޑު އިވިއްޖެއެވެ. އެއާއެކު، އެ ދެ މީހުން އެނބުރި އޮޑިއާ ދިމާއަށް ދުއްވައިގަތެވެ. އެ އައި ގޮތަށް އައިސް، ފުންމައިގެން އޮޑިއަށް އެރިއެވެ. އޮޑީގައި ތިބި މީހުން ތިބީ ތައްޔާރަށެވެ. އަވަސް އަވަހަށް އޮޑި ފުންކޮށްލުމަށްފަހު ބޭރަށް ޖަހައިގަތެވެ. އޭރު ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނާން ހުރީ ސިހުމާއި ހާސްކަމެވެ. ބިރުވެރިކަމެވެ.
އެ މީހުންނަށް އޮޑިޔައިގެން ތަންކޮޅަކަށް ވެސް ނުދެވެއެވެ. ހޭރެމުންދިޔަ ޖަނަވާރުތައް ހޭޅިފަޅައި، އަތިރިމައްޗަށް ނުކުމެއްޖެއެވެ. ރަނގަޅަށް ބަލައިލިއިރު، އެއީ ދެ ސިންގާއާއި ތިން މިނިކާވަގެވެ. އެ އެއްޗިއްސަށް ދޯންޏާއި މީހުންތައް ފެނުމާއެކު، ކުރިއަށްވުރެ ވެސް ބާރަށް ހޭރިގެންފިއެވެ. ތަންމިނަށް އަނގަ ހުޅުވައިގެން ތިބެ ހޭރެމުން ދިޔައިރު ހީވަނީ، މިއިން ދުވަހަކު ކައިއެއްޗެއްގެ ވަސް ވެސް ނުޖެހި ތިބި އެއްޗެހިތަކެއް ހެންނެވެ. އުޅުނު ގޮތުން ދުވެފައި އައިސް މޫދަށް އެރިގެންފާނޭހެން ވެސް ހީވެއެވެ.
“ކިރިޔާ މިއަދު މި ސަލާމަތްވީ.” އޮޑި ބޭރުކުރެވުމުން ހިން ދެމިލައި، ހޭރެމުން ދިޔަ ޖަނަވާރުތަކާ ދިމާއަށް ބަލައިލަމުން އަލިފުތާ ބުންޏެވެ. އޭރު އޭނާ ހުރީ ނޭވާ ކުރުވެ ގުނބުހިލިފައެވެ.
“ތަންކޮޅެއް ދުރަށް ދެވުނު ނަމަ، އަހަރެމެންނަށް އޮޑިއާ ހަމައަކަށް ނާދެވުނީސް ކަންނޭނގެ.” އެޅެފުތާގެ މުޙައްމަދު، ރުނބައިން ފެން ކަޓޫރާއެއް ނަގައި ބޮއިލުމަށްފަހު، މަޅުމަތީގައި ކަޓޫރާ ބަހައްޓަމުން ބުނެލިއެވެ.
“އެއްވެސް ކަމެއް ގޯސްކޮށެއް ނުވާނެއޭ ބުނަނީ އެހެންވީމަ. ﷲގެ ރަޙުމަތްފުޅާ އެކު ބޯފެން ވެސް ލިބުނީނު!” ނެރާދިމާއަށް އޮޑި އަނބުރައިލަމުން އަހުމަދުދީދީ ދަންމާނަށް ވާންކޮށްލިއެވެ.
އެ ރަށު ފަޅުން އޮޑި ނެރެފިއެވެ. މިސްރާބުޖެހީ ދެކުނަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގައި، ކުރެވެމުން ދިޔަ ދަތުރު ދިގުލަމުން ދިޔަވަރަކަށް، ޖަނަވާރުތައް ފެނުމުން އުފެދުނު ބިރުވެރިކަމާއި ސިހުމަށް ލުއިކަން ލިބެމުން އާދެއެވެ. ހިތަށް ހަމަޖެހުން ލިބެމުން އާދެއެވެ.
އެތައް ހިސާބު ދުރަކަށް ދުއްވިއްޖެއެވެ. އަސުރުން އިރު ތިރިވިފަހުން، ކުރިމަތީން ދެ ރަށެއް ކަނިލާން ފަށައިފިއެވެ. އެއާއެކު އޮޑި ނަގައި އެ ދެ ރަށާދިމާއަށް ދުންވާންފެށިއެވެ. ކައިރިވަމުން އައި ވަރަކަށް ރަށުގެ ސިފަ ފާޅުވަމުން އާދެއެވެ. އެއިން ކޮންމެ ރަށަކީ ވެސް އިންތިހާއަށް ރުއް ގިނަ ރަށެކެވެ. އޮޑީގައި ތިބި މީހުންގެ ހިތަށް ފިނިކަން ލިބުނީ، މީގެ ކުރީން ފެނުނު ރަށްރަށާ ޚިލާފަށް، އެ ދެ ރަށުން ބޮޑެތި އިމާރާތްތައް ފެންނާން ފެށުމުންނެވެ. އޭގެތެރޭގައި ތިންހަތަރު ބުރިއަށް ނަގާފައި ހުރި އިމާރާތް ވެސް ފެންނާން ހުއްޓެވެ.
“ދުވަސްތަކަކަށްފަހު، އިރާދަފުޅުކުރެއްވިއްޔާ އިންސާނުންނާ ދިމާވާން ދެން މި އުޅެނީ.” އާދަނާގެ މޫނުމަތީން ފެނުނީ އުފާވެރިކަމެވެ. ހައްވާދިޔެއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގާތުގައި އިން އާދަނާގެ އަތުގައި ހިފައި ފިތާލެވުނެވެ.
“މިތަނުން ރަށަކަށް ލަފަންވީތަ؟” ވަކި ހިސާބަކަށް ގޮސްފައި، އެހެން މީހުންގެ ލަފައަކަށް އަހުމަދުދީދީ އަހައިލިއެވެ.
“ރޭގަނޑާ ދިމާކޮށް ލަފާކަށް މަށަކަށް ނުފެނޭ! އިމާރާތްތަކެއް ފެންނާން ހުއްޓަސް، އުޅެނީ ކޮންކަހަލަ ބައެއްކަމެއް ވެސް ނޭނގެއެއްނު.”
ރެކިފުތާގެ މި ޚިޔާލު އަހުމަމަދުދީދީއަށް ވެސް ކަމުހިނގައްޖެއެވެ. އެހެން މީހުން ވެސް ގަބޫލުކޮށްފިއެވެ. އެހެންކަމުން ހޭފަށަށް އޮޑި ގެންގޮސް، ލަތާރިލައި އޮޑި އަޅައިފިއެވެ. އެ ތަނުގައި ރޭކުރުމަށްފަހު، މާދަމާ އެ ތަނުން ރަށަކަށް ފޭބުމަށް ޤަސްދުކޮށްފައެވެ.
“އިރާދަކުރެއްވިއްޔާ މާދަމާ އަހަރެމެންނަށް ކޮންމެވެސް ބައެއްގެ ހިމާޔަތް ލިބި، ރާއްޖެއަށް ދިޔުމުގެ މަގުފަހިވެގެންދާނެ! އެގޮތަށް އެކަން ހިންމަވާދެއްވާތޯ ދުޢާކުރޭ!” ނިދަން އޮވެފައި ހައްވާދިޔެ ގާތު އާދަނާ މަޑުމަޑުން ބުނެލިއެވެ.
“އެހެން ރޭރޭ ހުންނަ ކަހަލަ ނުތަނަވަސްކަމެއް މި ރެއަކު ނެތް. ހީވަނީ ކޮންމެވެސް ރަނގަޅު ގޮތެއް ވާން އުޅޭހެން.” ހައްވާދިޔެގެ އަޑުގައި ހުރީ ހިތްހަމަޖެހުމުގެ އަސަރެވެ.
“ދެން ހިނގާ ނިދާލެވޭތޯ ބަލަމާ!” މަޅުމަތީގައި އާދަނާ ހަމަޖެހިލިއެވެ. ހައްވާދިޔެގެ ހަށިގަނޑުގެ ހޫނުކަމާއި ޖައްވުގެ ފިނިކަމާ އެކު، އޭނާގެ ދެ ލޯ ކަންނެތްކުރުވައިފިއެވެ. ދެ ލޮލުގެ ދެ ރަވަ ކައިރިވާން ފަށައިފިއެވެ.
“މި ރޭ މަންމަ މަތިން ވަރަށް ބޮޑަށް ހަނދާންވާން ފަށައިފި.” ނިދިޖެހެމުން ދަނިކޮށް، އާދަނާގެ ކަންފަތުގައި ޖެހުނީ ހައްވާދިޔެގެ ތުރުތުރުއަލަމުން ދިޔަ އަޑެވެ. އާދަނާ ލޯ ހުޅުވައިލިއެވެ.
“އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއްނުވެ، މަންމައާ ބައްދަލުވެދާނެ! ދެން އަވަހަށް ނިދާލާ އިނގޭ!”
“މިހާރު މަންމަ ދުނިޔޭގައި އިންކަމެއް ވެސް ނޭނގެއެއްނު! ހައްވާދިޔެގެ އަޑު ބެދުނެވެ. ދެ ލޮލުން ކަރުނަ އޮހިގަތެވެ.
“ތި ކަހަލަ އެއްޗެހި ނުކިޔާ! އިރާދަކުރެއްވިއްޔާ މަންމަ ހެޔޮ ސިއްޙަތުގައި އިންދާ ބައްދަލުވާނެ!” ހައްވާދިޔެގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލައިދެމުން އާދަނާ ބުންޏެވެ.
އާދަނާ ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދައްކައިގެން، ހައްވާދިޔެގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ. އާދަނާ އޮތީ، އޭނާގެ އެއް އަތްމަތީގައި ބޯ އަޅައިގެން އޮތް، ހައްވާދިޔެގެ ބޮލުގައި ފިރުމައިލަ ފިރުމައިލައެވެ. އޯގާވެރިކަމާއި ލޯތްބާ އެކުގައެވެ. ހައްވާދިޔެއަށް ނިދުނީ، އެ އަރާމު ފިރުމުންތަކުން ނާރުތަކަށް ލިބެމުން އައި ހަމަޖެހުމުގެ ތެރޭގައެވެ.
ހެނދުނު އަށްގަޑިބައި އެހައިކަންހާއިރު، އެ ތަނުން ބޮޑުކޮށް އޮތް ރަށުގެ ފަޅަށް އޮޑި ވައްދައިފިއެވެ. ރީތި، އެހައިމެ ފަސޭހަ ނެރެއް ހަދާފައި އޮތުމުން، ފަޅަށް ވަންނާކަށް ދައްޗެއްނުވިއެވެ. ފަޅުތެރޭގައި ދެތިން އުޅަނދެއް އޮތެއް ކަމަކު، ފަޅުތެރެ ފެންނަން އޮތީ ފަޅުކޮށެވެ. ރަށަށް ފައިބާން، ރަނގަޅު ފެންވަރުގެ ދިގު ފާލަމެއް ހުއްޓެވެ.
އެއީ ބޮޑުރަށެކެވެ. ގަސް ގިނައެވެ. ރުއް ބޮލެވެ. ގަސްގަހާގެއްސާއި ރުއްރުކުގައި ވައިރޯޅި އައިސް ކޮށްލާ ސަމާސާތަކާއެކު، އަންނަ ހަރަކާތްތަކުން ހީވަނީ، ރަށަށް އައި މެހެމާނުންނަށް މަރުހަބާގެ ނެށުމަކާ އެކު، އަވަހަށް އަންނާށޭ ކިޔައި ހަނާއަޅާހެންނެވެ. ރަށުތެރެއިން ފެންނަ ބޮޑެތި، އުސް އިމާރާތްތައް އަންގައިދެނީ، މިއީ އިންސާނުން ދިރިއުޅޭ ރަށެއްކަމެވެ. މި ފަދަ ފަސްގަނޑެއް ނުފެންނަތާ އެތައް ދުވަހެއްވެފައި، މި ރަށަށް އާދެވުމުން، އެއިން ކޮންމެ މީހަކަށް ވެސް ވަނީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އަމިއްލަ ނަފުސަށް ކުރެވެމުން ދަނީ، ސަލާމަތުގެ އައްސޭރިއަކަށް އާދެވިފައި ތިބި ކަމުގެ ފޮނި އިހުސާސެވެ.
އޮޑި ރަނގަޅަށް އެޅުމަށްފަހު، އެންމެން ތައްޔާރުވީ ރަށަށް ފައިބާށެވެ. މިހާތަނަށް ދިޔައިރު ވެސް އަތިރިމައްޗަކުން، ރަށުތެރެއަކުން، އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މީހެއްގެ އިޝާރާތެއްވޭތޯ ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، އެންމެންނަށް ވެސް އެއްބަސްވެވުނީ، ރަށަށް ފޭބުމަށެވެ. ރަށުގެ މީހަކާ ނުވަތަ ބަޔަކާ ދިމާވޭތޯ، ރަށުތެތެރެއަށް އެރުމަށެވެ. މިހައި ހެނދުނާ އަތިރިމައްޗަށް މީހަކު ނައުމަކީ ވެދާނެ ގޮތެކެވެ.
ފަހަރަކު މީހަކު ފާލަންމަށް ފައިބާން ފެށިއެވެ. ފާލަމުގައި ފައިޖެހުމާ އެކު ހައްވާދިޔެގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ނުތަނަވަސްކަމެއް ވެރިވެގެންފިއެވެ. ކުރީން ނުހަނު ހަމަޖެހިފައި އޮތް ހިތަށް، ބިރުވެރިކަމުގެ ވަސްވާސްތަކެއް ވެރިވާން ފަށައިފިއެވެ. އޭނާއަށް އާދަނާގެ އަތުގައި ބާރަށް ހިފެހެއްޓުނެވެ.
“ކަންބޮޑުނުވޭ! އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ!” ހައްވާދިޔެ ބިރުގެންފައި ހުރިކަން އާދަނާއަށް އިޙުސާސްކުރެވުނެވެ.
ފާލަންމަތީން ރަށަށް އެރުމަށް އެންމެން ހިނގައިގެންފިއެވެ. އެންމެ ކުރިއަށް ހުރީ އަހުމަދުދީދީއެވެ. އޭނާއާ އެއް ހަމައެއްގައި އަލިފުތާ ހުއްޓެވެ. އެހެންމީހުން ތިބީ އެ ދެ މީހުންގެ ފަހަތުގައެވެ. 11 މީހުން ފާލަމުން ފައިބައިގެން ރަށުތެރެއަށް އަރާން ހިނގައިގަތް އިރު، އެކި މީހުންގެ ހިތުގައި ވިންދުޖަހަމުން ދިޔައީ އެކި ގޮތަށެވެ. އެކި ރާގަށެވެ.
ރަށުގެ ތަރައްޤީއާއި ކުރިއެރުން ފެނުނީ، ރަށުތެރެއަށް އަރައިލުމުންނެވެ. ތަފާތު ގޮތްގޮތަށް ފަރުމާކޮށްފައި ހުރި، ރީތި ބޮޑެތި ގެތަކެވެ. ތެދަށް ކަނޑާފައި ހުރި ފުޅާ މަގުތަކެވެ. އެކި ހިސާބުތަކުގައި ހިތްފަސޭހަ ޕާކުތަކެވެ. ކޮންމެ ޕާކެއް ވެސް ތަފާތު ކުލަ ކުލައިގެ މާގަސްތަކުން ވަނީ ފުރިފައެވެ. މާތައް ފޮޅި ފަރިވެފައެވެ. މޫދާ ގުޅިފައި އޮތް ބޮޑު ފަތާފެންގަނޑަކީ ވެސް، މިހާތަނަށް މިއިން މީހަކަށް ހުވަފެނުން ވެސް ފެނިފައި ވާނޭ ފަދަ ތަނެއް ނޫނެވެ.
ކިތަންމެ ރީތިކޮށް ތަންތަން ހަދާފައި ހުރިނަމަވެސް، ކިތަންމެ ގިނަ ގެއެއް ހުއްޓަސް، މިއީ ފަޅުރަށެކެވެ. ރަށުގެ އެކި މަގުތަކުން އެތައް ހިސާބަކަށް ހިނގިއިރު ވެސް މީހަކު ނުފެނެއެވެ. ކުއްތާއެއް ބުޅަލެއްހައި މިންވަރު ވެސް ނުފެނެއެވެ. ގޭގެ ވެސް ހުރީ ދޮރުލައްޕާ ތަޅުލާފައެވެ. އެހެންކަމުން އެއިން ގެއަކަށް ވަދެވޭތޯ ކުރި މަސައްކަތް ވެސް، ކާމިޔާބުވާގޮތެއް ނުވިއެވެ.
މިއީ މީހުން ދިރިއުޅޭ ރަށެއް ނޫންކަން ޔަގީނެވެ. އެހެންކަމުން ބައެއް މީހުންގެ ހިތަށް ކުރީން ވެރިވި ނުތަނަވަސްކަމާއި، ހާސްކަން، ގާތްގަނޑަކަށް ފިލައިފިއެވެ. މިނިވަންކަމުގެ އިހުސާސެއް ކުރެވޭން ފަށައިފިއެވެ. އެހެންކަމުން ދެން އެމީހުން މަސައްކަތްކުރީ، އެ ރަށުގައި ހުރި ރުއްރުކުން ކުރުނބާ އަޅާށެވެ. އެންމެން ދެ ގުރޫޕަކަށް ބެހިލައިފިއެވެ. އަލިބެއްޔާއާއި ރެކިފުތާއި އަލިފުތާއި އާދަންފުތާއި ފިޔޯރީ އާދަނާއި މާބާގެފުޅަކީ އެއް ގުރޫޕެވެ. އަހުމަދުދީދީ މި ގުރޫޕަށް އެންގީ އެޅުނު އެންމެ ގިނައެއްކޮށް ކުރުނބާ އަޅައިގެން، އޮޑިއަށް އެރުވުމަށެވެ. ރަށުގައި ހުރި ގިނަ ރުއްރުކަކީ މަތިވަރު ރަނގަޅު ރުއްރުކެވެ. ނުލުރުކާއި ރަތުރުކާއި ދަނބުރުކާއި ޖާފާނުރުކެވެ.
އަހުމަދުދީދީއާއި އާދަނާގެ ދެމަފިރިންނާއި ބާކީ ތިބި އެހެން މީހުންނަކީ އަނެއް ގުރޫޕެވެ. މި މީހުން ނައްޓައިލީ، ދުރުން ފެންނާން ހުރި، ދުރަށް އަލިފޮނުވާން ޖަހާފައިވާ ބޮޑު ބައްތިއެއް ކަހަލަ އެއްޗާ ދިމާއަށެވެ. އެ ބައްތި ހުރީ ރަށުގެ ދެކުނު ކޮޅުގައެވެ. ބައްތި ހުރި ސަރައްޙައްދަށް ދެވުނުއިރު، އެތަނުގައި ވެސް ކުޑަވަރެއްގެ ރީތި އިމާރާތެއް ހުއްޓެވެ. މި އިމާރާތުގެ ދޮރު ހުރީ ހުޅުވާފައެވެ. އަހުމަދުދީދީ ބޭނުންވީ އެ ތަނަށް ވަންނާށެވެ.
“މި ތަންތަނަށް ވަންނާން ހަދައިގެން ފަހަރުގައި ބޮނޑިއެއް ވެސް ލިބިދާނެ!” ވާދޫގޭ އާދަނާ ފަސްޖެހޭގޮތްވިއެވެ. އެޅެފުތާގޭ މުހައްމަދު ވެސް އެ ކަމަށް ތާއީދުކުރިއެވެ. އެހެންނަމަވެސް އަހުމަދުދީ އާއި އާދަނާ ބޭނުންވީ ވަންނާން ކަމަށްވާތީ، ފަސްޖެހުނު މީހުން ވެސް އެތެރެއަށް ވަދެއްޖެއެވެ.
އެތެރެއަށް ވަންއިރު މައްޗަށް އަރާން ހުރީ، ވަށް ސިޑިއެކެވެ. އެ ސިޑިން އެންމެން މައްޗަށް އަރާން ފަށައިފިއެވެ. ވަކި ހިސާބަކަށް އެރުމާއެކު، ފެނުނީ އޮފީހެއް ކަހަލަ ތަނެކެވެ. އެ ތަނުގެ ވަށައިގެން ހުރި، ކުޑަދޮރުތަކުގައި ހުރީ، ތޭރި ޖަހާފައެވެ. އެހެންކަމުން ކުޑަދޮރުތަކުން އެތަނުގެ އެތެރެ ރީތިކޮށް ފެނެއެވެ. ގޮނޑި މޭޒުތަކާއި ފޮތް އަލަމާރިތަކާއި ހަރުތައް ވަރަށް ގިނައިން ހުއްޓެވެ. ފައިލުތަކާއި ފޮތްތައް، ބަރިބަރިއަށް ޖަހާފައި ހުއްޓެވެ. އެ ތަނަށް ވަންނާން ހުރި ދޮރު ތަޅުލާފައި ހުރުމުން، އެތެރެއަށް ވަދެވޭގޮތެއް ނުވިއެވެ.
“މީ ފަޅުރަށެއް ނޫން! ފަޅުރަށެއް ނަމަ، މި އެއްޗިއްސެއް މިހެނެއް ނުހުންނާނެ!” އާދަނާ އޮފީސް ތެރެއަށް ބަލަން ހުރެފައި، އަހުމަދުދީއާ ދިމާއަށް މަޑުމަޑުން ބުނެލިއެވެ.
“މަށަށް ހީވަނީ ޖަޕާނު ސިފައިން މި ރަށު މީހުންތައް ހިފައި ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް އަޅައިލީހެން.” އިރުކޮޅަކު ހުރެފައި، އަހުމަދުދީދީ މަޑުމަޑުން ބުނެލިއެވެ.
އަހުމަދުދީދީގެ އެ ޖުމުލައާ އެކު، ބައެއް މީހުންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. އާދަނާގެ އަތުގައި ހިފަހައްޓައިގެން ހުރި ހައްވާދިޔެއަށް، އާދަނާގެ އަތުގައި ދެ އަތުން ބާރަށް ބެއްދުނެވެ. މިތަނުން އަވަހަށް ނިކުންނަން ހިނގާށޭ ވައި އަޑުން ބުނެވުނެވެ.
އޮފީހާ ދިމާއަށް އިރުކޮޅަކު ބަލާން ތިބެފައި، އެ މީހުން އެ ތަނުން ފައިބައިގެން މަގަށް ނިކުމެ، ދޯންޏާ ދިމާއަށް ދިއުމަށް ޓަކައި ހިނގައިގެންފިއެވެ. ދެވުނީ ތަންކޮޅަކަށެވެ. މަތިންދާ ބޯޓެއްގެ އަޑު ދުރުން އިވޭން ފަށައިފިއެވެ. އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް، މައްޗަށް ބަލައިލެވުނެވެ. އެ ވަގުތު ދުރުން އެ ރަށާދިމާއަށް ބޯޓެއް އަންނަތަން ފެނުނެވެ.
އެއީ ކުޑަވަރެއްގެ ހަނގުރާމަމަތީ މަތިންދާބޯޓެކެވެ. ބޯޓު ދުއްވާފައި އައީ ވަރަށް ތިރީންނެވެ. ހީވަނީ އެ ރަށުގައި އޮތް ވައިގެ ބަނދަރަކަށް ތިރިކުރާން އަންނަހެންނެވެ.
“މި ރަށަށް ޖައްސާން އަންނަ ބޯޓެއް ކަންނޭނގެ އެއީ. އެ މީހުންނަށް އަހަރެމެން ފެނިއްޖެއްޔާ ކިހިނެއްބާ ވާނީ؟” އަހުމަދުދީދީގެ ނަޒަރު ހުއްޓިފައި ހުރީ ބޯޓާ ދިމާއަށެވެ.
“އެހައި ރައްކާތެރި ކަމަކަށް ވާނެހެނެއް ހިއެއް ނުވޭ!” އާދަނާ ވެސް ބަލާންހުރީ ތިރިކުރަމުން އަންނަ ބޯޓާ ދިމާއަށެވެ.
“އެހެންވިއްޔާ މިތާނގައި ތިބުން ބުއްދިވެރި ކަމަކަށް ނުވާނެ!”
އެންމެންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް، އެކި ދިމަދިމާއަށް ކަޅި ހިންގައިލެވުނެވެ. ފިލަން ވަދެވޭ ކަހަލަ ތަނެއް ފެނޭތޯއެވެ. އަހުމަދުދީދީ ދުއްވައިގަތުމާ އެކު، އޭނާގެ ފަހަތުން ދެން ތިބި މީހުން ވެސް ދުއްވައިގެންފިއެވެ. އެދިޔަ ގޮތަށް ގޮސް ވަނީ، އެންމެ ކައިރިން ފެންނާން ހުރި ގޭގެ ގޯތިތެރޭގައި ހުރި، ފިޔަފާޅިގަނޑެއް ކަހަލަ ތަނަކަށެވެ. އެތަނުގެ ތެރޭގައި ބޮނދައި ތިބިއިރު، އެންމެން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. މޫނުމަތިން ދާތިކިތައް އުފުލޭން ފަށައިފިއެވެ.
ބޯޓުގެ އިންޖީނުގެ އަޑު އައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. އެ އައިގޮތަށް އައިސް، ރަށްމައްޗަށް އަރައިފިއެވެ. މިހާރު އަޑުހުރީ ދިމާ ބޯމަތީގައެވެ. ރަށުތެރެއަށް ބޯޓު ތިރިކުރަނީ ކަންނޭނގެއެވެ. ބިރުވެރިކަމާ އެކު ތެޅިތެޅި ހުރި ހިތްތަކަށް ފިނިކަން ލިބެންފެށީ، ހީކުރިގޮތާ ޚިލާފަށް، ބޯޓުގެ އިންޖީނުގެ އަޑު ހިނދޭން ފެށުމުންނެވެ. ރަށް ފަހަނަޅައި ބޯޓު ދަނީކަން ކަށަވަރުވުމުންނެވެ. އަޑު މަޑުވަމުން މަޑުވަމުން ގޮސް، ދެތިން މިނެޓުގެ ތެރޭގައި މުޅިން ކެނޑިއްޖެއެވެ. މާހައުލަށް ހަމަހިމޭންކަން ވެރިވުމުން، އެންމެން އެ ތަނުން ނިކުމެ، އަހުމަދުދީދީގެ އިރުޝާދުގެ ދަށުން އޮޑިއާ ދިމާއަށް ހިނގައިގެންފިއެވެ.
“އަހަރެމެން ނުފެނުނަސް، އަހަރެމެންގެ އޮޑި އެ މީހުންނަށް އޮންނާނީ ފެނިފަ. ދެން އެންމެ ބުއްދިވެރިވާނީ މިރަށުން ފުރުން.” ތަންކޮޅަކަށް ގޮސްފައި އަހުމަދުދީދީގާތު، މަޑުމަޑުން އާދަނާ ބުނެލިއެވެ.
“ތި ކަމާ މަށަށް ވެސް މި ވިސްނެނީ.”
އޮޑިއާ ހަމައަށް ދެވުނުއިރު، ކުރުނބާ އަޅަން ދިޔަ މީހުން ތިބީ، ކުރުނބާ އަޅައި، އޮޑިއަށް އަރުވައިގެން، އަހުމަދުދީދީމެންގެ އިންތިޒާރުގައެވެ. އަހުމަދުދީދީގެ އެންގުމާ އެކު އެންމެން އަވަސްވެގަތީ އޮޑި ނެގުމަށެވެ. އެއްގަމުވާ މޮހާލަން އާދަނާ ފާލަންމައްޗަށް ފޭބިއެވެ. ރަނގަޅަށް ވާ މޮހާނުލެވިގެން އުޅެނިކޮށް، ދުރުން އެއްކަލަ ބޯޓު ދައްކާލައިފިއެވެ. ބޯޓު ފެނުމާއެކު، އެންމެންގެ މޫނުމަތިން ވެސް ކަންބޮޑުވުމުގެ އަސަރު، އިހުނަށްވުރެ ބޮޑަށް ފާޅުވެގެން ދިޔައެވެ. ބޯޓު އަންނަނީ ސީދާ އޮޑިއާ ދިމާއަށެވެ. ފުދޭވަރަކަށް ތިރިން، އެހައިމެ ބާރަށެވެ.
އޮޑި ފަޅުން ބޭރު ކުރެވޭވަރެއް ނުވިއެވެ. ބޯޓު އައިސް އޮޑިއާ ހަމަކޮށްފިއެވެ. އެ މީހުންގެ ބޯ މަތީގައި އުދުހޭން ފަށައިފިއެވެ. ބޯޓުގެ އިންޖީނުގެ އަޑުން މު ހިސާބު ވަނީ އަޑުބައްދާފައެވެ. އޭރު އޮޑީގައި ތިބި އެންމެންގެ ނޭވާ ވަނީ ހިފެހެއްޓިފައެވެ. ތިބެވުނީ، އަނގަ މައްޗަށް ޖަހައިގެން، ހިތް އަތްމައްޗަށް ލައިގެން، ބޯޓާ ދިމާއަށް ކަޅި ހުއްޓައިގެންނެވެ. ހަތަރެސްފައި ރޫރޫނާޅާ އެކަކު ވެސް ނެތެވެ. ދުނިޔޭގެ ފަހު ސިކުންތުކޮޅު ގުނެމުންދަނީއޭ ވެސް ބައެއް މީހުންގެ ހިތަށް އަރަމުން ދިޔައެވެ. އާނއެކެވެ. ކުޑަކުޑަ އެންމެ ބޮމެއް އެ ދިމާއަށް ފުރޮޅައިލިޔަސް، ބޮނބިއަރިއެއް ފަދަ އެ އޮޑިގަނޑާއި އޭގައި ތިބި މީސްކޮޅުގެ ވަސް، ބަސްބުނާ ހިނދުން ފޮހެވިގެންދާނެއެވެ.
ދުނިޔޭގެ ހާލަތު މިއަދު ބަދަލުވެފައި ވަނީ، އެކަހަލަ ކަމެއް ނުހިނގާނޭ ފަދަ ގޮތަކަށް ނޫނެވެ. އިންސާނެއްގެ ފުރާނައަކީ، މިއަދު ކުނަމެއްސެއްގެ ފުރާނައަށް ވުރެ ވެސް އަގު ދަށް އެއްޗެކެވެ. ގަދަ މީހާއަށް ގަދަގޮތެވެ. ނިކަމެތި، ބަލިކަށި މީހާގެ ލެއިން ހަތަރެސްފައި ދޮވެލުމަކީ، ގަދަ ބާރުގެ އަހުލުވެރީންނަށް ލިބޭ އުފަލެކެވެ. ފަޚުރެކެވެ. ކޮނޑަށް އެތައް މެޑެއްޔެއް އަރާނޭ ކަމެކެވެ.
ބިރުން ވިރިވިރި ތިއްބާ އޮޑިއާ ދިމާއިން މަތީގައި އެ ބޯޓު ހައެއްކަ ބުރު ޖެހުމަށްފަހު، މިސްރާބު ބަދަލުކޮށްލައިފިއެވެ. ދުރަށް ދުއްވާލައިފިއެވެ. އިންޖީނުގެ އަޑުފަށްގަނޑު މަޑުވާން ފަށައިފިއެވެ. މި މަންޒަރު ފެނިފައި، އޮޑީގައި ތިބި އެންމެންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް، ފުން ނޭވާއަކާ އެކު ދެ ލޯ މަރައިލެވުނެވެ. ﷲ އަށް ހަމްދުކުރެވުނެވެ.
އެ ބޯޓުގެ ނުރައްކަލުން މިންޖުވީ ކަމުގައި ދެކި، ލިބުނު ހިތްހަމަޖެހުން ދެމިގެން ދިޔައީ މިނެޓެއް ދެ މިނެޓެއްހައި އިރަށެވެ. އަނެއްކާ ވެސް ބޯޓުގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. އޮޑިއާ ދިމާއަށެވެ. މި ފަހަރު ދަތުރުކުރަމުން އަންނަނީ، ކުރީ ފަހަރަށްވުރެ ވެސް މާ ތިރީންނެވެ. އޮޑީގައި ތިބި އެންމެންގެ ހިތް ވެސް ބާރުބާރަށް ތެޅޭން ފަށައިފިއެވެ. ކުރީ ފަހަރަށްވުރެ، މި ފަހަރު ހިތަށް ވެރިވި ބިރުވެރިކަން މާ ބޮޑެވެ. އޮޑިއާ ބޯޓު ކައިރިވަމުން ދިޔަ ވަރަކަށް، އެންމެންގެ ހިތުގެ ތެޅުން އަވަސްވަމުން ބާރުވަމުން އާދެއެވެ. އެއިން ކޮންމެ މީހެއްގެ ހިތް ވެސް ބުނަމުން ދަނީ، މި ފަހަރު ސަހަލު ގޮތަކަށް ނުދާނޭ ކަމަށެވެ. ކިޔުނު ހެޔޮ އެއްޗެއް ކިޔައި ކުރެވުނު ދުޢާއެއް ކުރާންވީ ކަމަށެވެ.
“އެއްވެސް މީހަކު އެއްވެސް އަޑެއް ނީއްވާތި! ހަރަކާތެއް ވެސް ނުކޮށް މަޑުމަޑުން ތިބޭ! ކޮންމެ މީހަކަށް ވެސް އެނގޭ ހެޔޮ އެއްޗެއް ކިޔައިލަކިޔައިލަ ތިބޭ!” ހުންގާނުގައި ހުރެފައި އަހުމަދުދީދީ އެންމެނަށް އިވޭ ވަރަށް ބުންޏެވެ.
ބޯޓު އަންނަނީ ހިނދެއް ހިނދަކަށް ކައިރިވަމުންނެވެ. އިންޖީނުގެ އަޑު އަންނަނީ ގަދަވަމުން، ބާރުވަމުންނެވެ. އެއާއެކު އޮޑީގައި ތިބި މީހުންގެ މޭގެ ތެޅުމުގެ އަޑު ވެސް އައީ ބާރުވަމުންނެވެ. ނޭވާ ހިފަހައްޓާލައިގެން ތިއްބާ، ބޯޓު އެއައި ގޮތަށް އައިސް، އޮޑީގެ ކުނބުކުރީގައި، ކިރިޔާ ޖެހޭ ނުޖެހޭ ފަށުން އޮޑި ހުރަސްކޮށް، މައްޗަށް އަރައިގެން އެހެރަ ދަނީއެވެ. އެންމެންގެ ކަންފަތް ބައްކޮށްލާފައެވެ. ލޮލުކޮޅަށް އޮބާ ނުއޮބާ ހިސާބަށް ގޮސްފައި، އަނެއްކާވެސް އޮޑިއާ ދިމާއަށް އަނބުރާލައިފިއެވެ.
“މީ ދެން ކުޑަވަރެއްގެ މުޞީބާތެއްނު! ކޮން ބިރެއްތަ މި ގަންނުވަނީ!” އަހުމަދުދީދީ ގާތަށް ރުޅި އަންނަ ގޮތް ވެއްޖެއެވެ. އެހެން މީހަކު ބަހަކުން ބަހެއް ނުބުނެއެވެ.
އެ ބިރުވެރިކަންމަތީގައި އެ މީހުން ބައިތިއްބައިގެން، މި ގޮތަށް އެ ބޯޓު ހައެއްކަ ބުރު ޖެއްސެވެ. ކޮންމެ ފަހަރަކު ވެސް ދަނީ، ފިންދުނި ކާއްތައިލައިފައެވެ. އޮޑި ދޫކޮށްލާފައި ބޯޓު ދިޔައީ، އެ ރަށުން ފުރައިގެން ގާތްގަނޑަކަށް ބައި މޭލެއްހައި ހިސާބަށް ދުއްވިފަހުންނެވެ. އެހާތަނުން އެންމެން އަވަސްވެގަތީ، ހިތަށް ވެރިވެފައިވާ ބިރުވެރިކަން ފިލުވައިލުމަށް ޓަކައި، ކުރުނބާ ފެންފޮދަކުން ކަރުތެރެ ތެންމާލުމަށެވެ.
ބޯޓު ދިޔައެއްކަމަކު ފެންނާން ހުރި ރަށްރަށުން ރަށަކަށް ލަފާކަށް އެކަކަށް ވެސް ނުފެނުނެވެ. އެހެންކަމުން ރެއަށް އިރު އޮއްސުނީ ވެސް، އެ މީހުން ކަނޑުމަތީގައި ދުއްވަ ދުއްވާ ތިއްބައެވެ. ރޭގަނޑުގެ އަނދިރިކަމާއި ފިނިކަން އައިސް ވަށައިލީ، އެންމެންގެ މައްޗަށް ވަރުބަލިކަމާއި ނިދީގެ ކަންނެތްކަން އާންމު ކުރަމުންނެވެ. އެހެންނަމަވެސް އެކަކަށް ވެސް ލޮލުފިޔައެއް ޖަހައިލާކަށް ނުކެރުނެވެ. ހިތް ބިރުގަންނަނީއެވެ. ކޮންމެވެސް ނުބައެއް ހިނގައިފާނެއޭ ހީވަނީއެވެ.
އިޝާނަމާދުން ދަންވިއިރު، ހައްވާދިޔެގެ ބޮލުގައި އާދަޔާޚިލާފަށް ގަދައަށް ރިހޭން ފަށައިފިއެވެ. އާދަނާ ވަރަށް ކަންބޮޑުވެއްޖެއެވެ. އޮޑީގައި ހުރި ކުރުނބާތަކުން ކުރުނބައެއް މަށާލައިގެން ގެނެސް، ހައްވާދިޔެއަށް ބޯންދީފައި، އޮޑީގެ މަޅުމަތީގައި ބާއްވައިގެން، ބޯ މޮޑެލައިދީދީ އިންދާ، އިރުކޮޅަކުން ހައްވާދިޔެއަށް ނިދިއްޖެއެވެ.
ހައްވާދިޔެއަށް ނިދުމުން އާދަނާ ވެސް ހައްވާދިޔެގެ ގާތުގައި، މަޅުމަތީގައި ޖައްސާލައިފިއެވެ. އުޑުމަތީގައި ވިދަވިދާ ހުރި ތަރިތަކަށް ބަލައިލުމާ އެކު، އާދަނާގެ ހިތަށް ޒާތެއްގެ ނުތަނަވަސްކަމެއް ވެރިވެއްޖެއެވެ. އެ ޚިޔާލަކާ ދުރުހެލި ވެވޭތޯ އޭނާ ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ޚިޔާލާއި ފިކުރުތައް، ސިކުނޑީގައި ތޮއްޖެހި މީހާ އަވަދިކޮށްލައިފިއެވެ.
އާދަނާގެ ހިތް ތެޅެންފެށީ، ބިރުވެރި ތެޅުމަކުންނެވެ. މިއޮތް ފިނިރޭ ވެސް، ދަލުގެ އަސަރު ހަށިގަނޑުގައި ހިފައިލައިފިއެވެ. ދެ ލޮލަށް ކަރުނައިގެ އަސަރު ވެރިވެ، ހިތްވަރު މުޅިން އެލުވާލައިފިއެވެ. އާއެކެވެ. އެމީހުން އެ ތިބީ ދަތުރުއޮޅި، ދެވޭ ނުދެވޭ ދިމާއެއް ނޭނގި ބެހިފައެވެ. ރާއްޖެއާ އެތައް ސަތޭކަ މޭލެއްގެ ދުރަށް ދެވި، ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ރަނގަޅަށް ހަފުސްވެފައެވެ. މާދަމާ އިރުއަރާނީ ކޮންފަދަ ބޮޑު މުޞީބާތެއްގެ އިންޒާރުގެ ރަނގަބީލާ އެކުގައި ކަމެއް ވެސް ނޭނގެއެވެ. ލޯބިން ކުރެވުނު ކައިވެނީގެ، އުފާވެރި ދުވަސްތައް ހޭދަކުރަން ޖެހިފައި މި ވަނީ، ކޮންފަދަ ހިތާމަވެރި ބިރުވެރި ގޮތަކަށް ހެއްޔެވެ؟
ހިތާމައާއި ހިތްދަތިކަމުގެ ކަނޑަކަށް ގެނބިފައި އާދަނާ އޮއްވައި، އޭނާއަށް މަޑުމަޑުން ގޮސް ނިދިއްޖެއެވެ. ހުވަފެނީ އާލަމުގެ ދަތުރަށް ފަށައިފިއެވެ. އޭނާގެ ދަތުރުގެ މަންޒިލަކީ ކޮބައިކަމެއް، ދަތުރުގެ ބައިވެރީންނަކީ ކޮން ބަޔެއްކަމެއް ނޭނގެއެވެ. ތަޖުރިބާ ކުރަމުން ގެންދަނީ ކޮން ކަހަލަ ކަންތައްތަކެއް ކަމެއް ވެސް ނޭނގެއެވެ. އެނގެނީ އޭނާއަށް އެބަ ގޮތްތަކެއް ވާކަމެވެ.
އާދަނާއަށް ހޭލެވުނީ ސިހިފައެވެ. ވަގުތުން ފުންމައިގެން ތެދުވެވުނެވެ. އޭރު ފަތިސްވެ ދުނިޔެމަތި އަލިވާން ފަށައިފިއެވެ. ފަތިހުގެ ފިނިކަން ވަނީ މުޅި ޖައްވަށް ވެރިވެ އަތްގަދަކޮށްފައެވެ. މި ފިނި ފަތިހުގައި ވެސް، އާދަނާ އެ އިނީ ދާހިއްލާ ފޯވެފައެވެ. ތެދުވުނު ގޮތަށް ފުރަތަމަވެސް އޭނާއަށް ބަލައިލެވުނީ، ވަށައިގެން އޮތް އުދަރެހަށެވެ. މާސިންގާ ކަނޑަށެވެ. އެއަށްފަހު، އޭނާގެ ގައިގައި ޖެހި ފިތިގެން ކަހަލަ ގޮތަކަށް އޮތް، ހައްވާދިޔެއާ ދިމާއަށެވެ. ބޯދަށަށް އެއް އަތް ލައި ކުރުގެޅިލައިގެން، ގަދަ ނިދީގައި ހައްވާދިޔެ އޮތެވެ. އާދަނާއަށް ދެން ބަލައިލެވުނީ އޮޑި ތެރެއަށެވެ. އެންމެން ތިބީ ނިދާ މަރުވެފައެވެ. ހުންގާނުގައި އިން އަހުމަދުދީދީ ވެސް އިނީ ތާއްޔާޖެހިޖެހިއެވެ.
އާދަނާގެ ކަޅި އަނެއްކާވެސް ހުއްޓުނީ ހައްވާދިޔެއާ ދިމާއަށެވެ. އިރުކޮޅަކު ބަލާން އިނދެފައި، މަޑުމަޑުން ހައްވާދިޔެއާ ގާތްވެލިއެވެ. ލޯތްބާ އެކު، ބުރަކަށީގައި ފިރުމައިލިއެވެ. ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. ކޮލަށް ދޮނެއް ދިނެވެ. އަތްތިލާގައި ހިފައި ބާރުކޮށްލެވުނެވެ. ހައްވާދިޔެއަށް ހޭލެވުނީ އެ ވަގުތުއެވެ. އާދަނާގެ އަތް ފިނިވެފައިވާ މިންވަރު އޭނާއަށް އިޙުސާސްކުރެވުނެވެ. ލޯ ހުޅުވައިލިއިރު، އާދަނާ އިނީ އޭނާގެ ގާތުގައި އިށީނދެއެވެ.
“ކިހިނެއްވީ؟” އާދަނާ އިންގޮތުން ކޮންމެވެސްކަމެއް ގޯސްވެއްޖެއޭ ހައްވާދިޔެގެ ހިތް ބުނާންފެށިއެވެ.
އާދަނާއަކަށް އަނގަޔަކުން ނުބެނެވުނެވެ. ފާޑަކަށް ހައްވާދިޔެއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އާދަނާ އިން ގޮތުން ހައްވާދިޔެ މަޑުމަޑުން ތެދުވެއްޖެއެވެ.
“ކިހިނެއްވީ؟” އާދަނާގެ އަތްމަތީގައި އަތް ބާއްވައިލަމުން ހައްވާދިޔެ ލޯތްބާ އެކު އަހައިލިއެވެ.
އާދަނާއަށް ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް، ހައްވާދިޔެގެ ގައިގައި ބައްދައިގަނެވުނެވެ. އެއާ އެކު އޭނާގެ ދެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި، ކަރުނަ އޮހިގަތެވެ. އޭރު އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުންދެއެވެ. އެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހާސްކަން އޭނާގެ މޫނުމަތީންނާއި ދެ ލޮލުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނާން ހުއްޓެވެ. ހައްވާދިޔެގެ ގައިގައި އޭނާ ބައްދާލައިގެން އިން އިރު، ދެ ލޮލުން އޮހޭ ކަރުނައިން ހައްވާދިޔެގެ ކޮނޑުމަތި ތެމެމުންދެއެވެ. އޭނާ އުޅޭގޮތުން ހީވަނީ ދެން ދުވަހަކު ވެސް ހައްވާދިޔެގެ ގައިން އޭނާ ދޫކޮށްނުލާނެހެންނެވެ.
“ކިހިނެއްވީ އާދަނާ؟” ހައްވާދިޔެގެ ސިކުނޑީގައި ވަނީ އެތައް ސުވާލެއް އުފެދިފައެވެ. ވީނުވީއެއް ނޭނގި އާދަނާ އުޅޭންފެށި ގޮތުން، ހައްވާދިޔެގެ ހިތުގައި ވެސް ބިރުވެރިކަމުގެ ބިޔަ ރާޅުތަކެއް އުފެދިއްޖެއެވެ.
“އާދަނާ! އަޅެ ކިހިނެއްތަ ވީ؟” ހައްވާދިޔެއަށް ސުވާލު ތަކުރާރުކުރެވުނެވެ.
އާއެކެވެ! އާދަނާ އެ އުޅެނީ، ހިތް ބިރުގަންނަ ޒާތުގެ ހުވަފެނެއް ފެނިގެންނެވެ. އެ ހުވަފެނުގައި ބަޔަކު މީހުން އައިސް، ހައްވާދިޔެ ފޭރިގަންނަނީއެވެ. އަނިޔާކުރަނީއެވެ. ސަލާމަތަށް އެދި ހައްވާދިޔެ ރޮއި އާދޭސްކުރެއެވެ. އެހެންނަމަވެސް އާދަނާއަށް އެއް ކަމެއް ވެސް ކޮށެއް ނުދެވެއެވެ. ހޭލެވުނު އިރު ވެސް ހައްވާދިޔެގެ ވޭނީ ގިސްލުމާއި އާދޭހުގެ އަޑު، އޭނާގެ ކަންފަތުގައި ގުގުމާފައި ހުއްޓެވެ.
ހައްވާދިޔެގެ ގައިގައި ބައްދައިލި ގޮތަށް އެތައް އިރަކު އާދަނާއަށް އިނދެވުނެވެ. އާދަނާގެ ހިތަށް ފިނިކަން ލިބޭހައި އިރެއް ވާންދެން، ހައްވާދިޔެ ވެސް އާދަނާގެ ގައިގައި ބައްދާލައިގެން އިނީއެވެ. އާދަނާ އެ އުޅެނީ ހުވަފެނެއް ފެނިގެންކަން ހައްވާދިޔެއަށް ވެސް އެނގެއެވެ. އެހެންނަމަވެސް އެ ހުވަފެނާބެހޭގޮތުން އެއްވެސް ސުވާލެއް ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އިތުރު ވަސްވާސްތަކެއް ހިތަށް ވެރިވާން ބޭނުން ނުވާތީއެވެ.
“ފަތިސްވެއްޖެ. އަވަހަށް ތެދުވެ ނަމާދުކުރާން އުޅޭ!”
ފަތިސްވުމުން އަހުމަދުދީދީ އޮޑީގެ އެންމެނަށް ގޮވިއެވެ. ފަތިސް ނަމާދަށެވެ. މޫދުން ލޮނު ފަޔެއް ނަގައި، މޫނު ދޮވެ، ވުޟޫކޮށްލައި ހަދައިގެން، އެހެން މީހުންނެކޭ އެއް ފަދައިން އާދަނާ ވެސް އެރީ ނަމާދަށެވެ. އިރުއަރައި ޖައްވު އަލިވުމުން، ހެނދުނުގެ ނާސްތާއަކަށްފަހު، ﷲ އަށް ވަކީލު ކޮށްލައިގެން، ހަމަހިމޭންކަން މަތީގައި އެންމެން ތިބީއެވެ. ވަރުބަލި ދުވެއްޔެއްގައި އޮޑި ދުވަމުން ދެއެވެ. ކަނޑުމަތީގައި އަރާމެއް ނެތި، ތެޅިތެޅި އޮޑި ވެސް ލޮޑުވެ، ހަންވެފައިވާ ކަހަލައެވެ.
“އެއޮތް ފެންނަނީ ރަށެއް!” ކުނބުކައިރީގައި ކޮޅަށް ހުރި އަލިފުތާއަށް ދުރުން ރަށެއް ފެނިއްޖެއެވެ.
އެންމެން އެ ދިމާއަށް ބަލައިލައިފިއެވެ. ދުރުން ރަށެއް އެބަ ފެނެއެވެ. މާބޮޑު ރަށެއް ނޫނެވެ. އާދައިގެ ކުޑަ ރަށެކެވެ. ފެންނަ ފެނުމަށް ހީވަނީ އެއީ ވެސް ފަރުބަދަމަތީ ރަށެއް ހެންނެވެ. އާދަނާ ފިޔަވައި، އެހެން އެންމެންގެ ލަފައާ އެކު، އެ ރަށާ ދިމާއަށް އޮޑީގެ މިޞްރާބު ބަދަލު ކޮށްލައިފިއެވެ.
“މަށަކަށް ނުފެނޭ ގޮތް ނޭނގޭ އެއްވެސް ރަށަކަށް ލަފާކަށް.” އާދަނާ ގޮސް އަހުމަދުދީދީ ގާތުގައި މަޑުމަޑުން ބުނެލިއެވެ.
“އެކަމަކު މިހެން ކަނޑުމަތީގައި ތިބެގެން، ކޮން މޮޅެއްވާނީ؟” އަހުމަދުދީދީ ބަލައިލީ އާދަނާގެ މޫނަށެވެ. އާދަނާ އެއްވެސް އެއްޗެއް ނުބުނެ އަހުމަދުދީދީގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރީއެވެ.
“އާދަނާ! މާ ބޮޑަށް ކަންބޮޑުނުވޭ!” އާދަނާގެ މޫނުމަތިން ފެންނާން ހުރި ފޮޅުވަތްތައް ވަރަށް ފަރިތަކަމާ އެކު ކިޔައިލުމަށްފަހު އަހުމަދުދީދީ ވާހަކަދައްކާން ފެށިއެވެ. “ހުރިހައި ފަހަރަކު އެއްގޮތެއް ދިމައެއް ނުވާނެ! ރަށަކަށް ގޮސްގެނެއްނު ރަނގަޅު ބަޔަކާ ދިމާވާނީ ވެސް. ރަނގަޅު ބަޔަކާ ދިމާވެގެންތާ ރަނގަޅު ގޮތެއް ވާނީ ވެސް. ދަތުރު ފެންނާނީ ފުރީމަ އާދަނާ.” އާދަނާއަށް ވިސްނައިދިނުމުގެ ގޮތުން އަހުމަދުދީދީ ވާހަކަދެއްކިއެވެ.
“ތިކަން ވެސް އެނގޭ!” އާދަނާއަށް ފުން ނޭވާއެއް ލެވުނެވެ.
“ދެން ހިތްހަމަޖައްސާލާ!” އަހުމަދުދީދީ އުޅުނީ ވާހަކަ ނިންމައިލާށެވެ.
“ހިތްހަމަނުޖެއްސިގެން މި އުޅެނީ. ދުނިޔޭގެ ހާލަތު އޮތް ގޮތް އެނގެއެއްނު. މުޅި ދުނިޔޭގައި މި އޮތީ ހަނގުރާމައިގެ ބިރުވެރި މައިދާނަކަށްވެފަ. ތިހެން ހުންނަ ކުދިކުދި ރަށްރަށް ގިނަ ފަހަރު ހުންނާނީ، ކޮންމެވެސް ބައެއްގެ މުށުތެރޭގަ. ޖަޕާނުން ހިފާފައި އޮތް ރަށަކަށް އަހަރެމެންނަށް އެރިއްޖެއްޔާ، އަހަރެމެންގެ ދުވަސް ދިޔައީ. އަހަރެމެންނަކީ ދިވެހީންކަން ވަރަށް ފަސޭހައިން އެ މީހުން ދެނެގަންނާނެ!” އާދަނާ ކަންބޮޑުވަމުން ދިޔަ ސަބަބު ހާމަކުރިއެވެ.
އާދަނާގެ ހިތް ނުތަނަވަސްވަމުން އަންނަނީ މާ ބޮޑަށެވެ. އޭނާގެ ހިތުގައި އުފެދިގެން އެ އުޅެނީ، އެ ހުވަފެނުގެ ބިރުވެރިކަމެވެ. އެ ފަދަ ނުރައްކަލެއް އެއްވެސް މީހަކަށް ކުރިމަތިވާކަށް، ތަޖުރިބާކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ފެނުނު ހުވަފެނާ ބެހޭގޮތުން، އެއްވެސް އެއްޗެއް އޭނާ ނުބުނެއެވެ.
އޮޑި މަޑުމަޑުން ދުވަމުން ގޮސް، މެންދުރުން އެނބުރި އިރު، އެ ރަށާ ކައިރިކޮށްފިއެވެ. އޭރު ފާލަންމަތީގައި މީހަކު ހުއްޓެވެ. ކުރު ޝޯޓެއް ލައިގެން، ހުސްގަޔާ ހުރި މެދުމިނުގެ އިސްކޮޅެއް ލިބިފައިވާ މީހެކެވެ. އެ މީހަކު ހުރީ އޮޑިއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެތައް ދުވަހަކަށްފަހު، އިންސާނަކު ފެނުމުން ވެސް، އާދަނާ އުފަލެއް ނުވިއެވެ. ރަށާ ކައިރިވަމުން އައި ވަރަކަށް، އޭނާގެ ހިތުގެ ތެޅުން އައީ ބާރުވަމުންނެވެ. އޭނާއަށް ވަމުން ދިޔަ ގޮތް ފެނިފައި، ހައްވާދިޔެ ވެސް، އެ ފަދަ ކަނޑަކަށް ގެނބޭން ފަށައިފިއެވެ.
މަޑު ދުވެއްޔެއްގައި ގެންގޮސް އޮޑި ފާލަމާ ކައިރިކޮށްފިއެވެ. ފާލަމުގައި ވާ އައްސާނިމުނުއިރު، އެ ތަނަށް އިތުރު ދެ މީހަކު އަތުވެއްޖެއެވެ. އެއީ ކުލައާއި އިސްކޮޅުގެ ގޮތުން ދިވެހިންނާ ދާދި އެއްކަހަލަ ބަޔެކެވެ. ބޮޑަށް ވައްތަރީ އިންޑިޔާ ބަޔަކާއެވެ.
އޮޑި އަޅައި ނިމުމާ އެކު، އޮޑީގައި ތިބި މީހުންނަށް، އަތުގެ އިޝާރާތުން އެ މީހުން އެންގީ، ފާލަންމައްޗަށް ފޭބުމަށެވެ. އެ މީހުންގެ މޫނުމަތިން ފެންނަނީ ހިތްހެޔޮކަމެވެ. ގާތްކަމެވެ. މަކަރުވެރިކަމާއި އޮޅުވާލުމުގެ އެއްވެސް ސިފައެއް ނުފެނެއެވެ. އެހެންކަމުން އޮޑީގައި ތިބި އެންމެންނަށް ފެނުނީ، އެ މީހުންގެ އެ އެދުމަށް ކިޔަމަންވާށެވެ. ރަނގަޅު ގޮތެއް މެދުވެރި ވެދާނޭ ކަމުގެ ފޮނި އުއްމީދާ އެކުގައެވެ.
އެ މީހުންގެ ތުންފަތްމަތީން ފެންނާން ހިތްހެޔޮ ހިނިތުންވުމާއި މޫނުމަތީން ފެންނާން ހުރި އޯގާވެރި ގާތްކަމުގެ އަސަރު ފެނިފައި، އާދަނާއަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. ފެނުނު ހުވަފެނާ ގުޅިގެން ހިތަށް ވެރިވި ނުތަވަސްކަމަށް، ލުޔެއް ލިބުނުކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ހިތުގައި ހައިޖާނު އުފެއްދި ވަސްވާސްތަކަކީ، ޝައިޠާނާގެ ފުށުން ކުރިމަތިވި ތުރާލެއް ކަމުގައި، އަމިއްލަ ނަފުސަށް ވިސްނައިދޭން ފަށައިފިއެވެ.
ފަހަރަކު މީހަކު ފާލަންމައްޗަށް ފައިބަމުން ގޮސް، އެންމެން އޮޑިން ފައިބައިފިއެވެ. ފާލަން މަތީގައި ތިބި ތިން މީހުން، އޮޑިން ފޭބި ތޭރަ މީހުންނަށް މަރުހަބާކީ، އުފާވެރިކަމާއި ހިތްހެޔޮކަމާ އެކުގައެވެ. އެންމެންނާ ސަލާންގަލާން ކުރުމަށްފަހު، އެ މީހުން ގޮވައިގެން އެއްގަމަށް އެރުމަށް ޓަކައި، އެ ތިން މީހުން ހިނގައިގެންފިއެވެ. އޮޑިން ފޭބި މީހުން، އެ މީހުންގެ ފަހަތުން ކިޔަމަންތެރިކަމާ އެކު ގޮސް ފާލަން ފަސްދީ އެއްމަށް އަރައިފިއެވެ.
ރަށުތެރެއަށް އަރައި، ހިނގައި ގަންނާން ޖެހުނީ، އަޑިގުޑަން ބޮޑު މަގަކުންނެވެ. އެ މަގުގެ އެކި ހިސާބުގައި، ބިންހިމަ ފާޑުގެ ވިނައެއް ހެދިފައި ހުއްޓެވެ. މަގުގެ ދެފަރާތުގައި ތަފާތު ވައްތަރުގެ ގަސްގަހާގެއްސާއި ވިނަގަސްތައް ހެދިފައި ހުއްޓެވެ. ކޮންމެވެސް ވަރަކަށް ރުއް ވެސް ހުއްޓެވެ. އެހެންނަމަވެސް ވާ، މާ ބޮލެއް ނޫނެވެ. ވަކި ހިސާބަކަށް ދިޔަތަނާ ގެއެއް ފެނިއްޖެއެވެ. އެ ތިން މީހުންގެ މިސްރާބު ހުރީ އެ ގެއާ ދިމާއަށެވެ. ދިވެހިންކޮޅު ވެސް އެ މީހުންގެ ފަހަތުން އެ ގެއާ ދިމާއަށް ދިޔައެވެ.
އެއީ ހުދު ކުލައިގެ ބޮޑު ގެއެކެވެ. ފެންނަ ފެނުމަށް ދުވަވީ ގެއެކެވެ. ފާރުތަކުން ވަނީ ކުލަފައިބާ ހަޑިވެފައެވެ. ފާރުތަކުގެ ބައެއް ދިމަދިމާގައި ރެނދުލާފައި ވެސް ހުއްޓެވެ. ހަތަރު ފުރާޅަށް ހިޔާކޮށްފައިވާ އެ ގޭގެ ފުރާޅުގައި ޖަހާފައި ހުރީ އީޓެވެ. ދުވަސްވުމުގެ ސަބަބުން އީޓުތަކުގައި ހުރީ ކޮންމެވެސް ވަރަކަށް ފެހި ވެސް ޖަހާފައެވެ. ގޯތީގައި އޮތް ހުސްތަނުގައި ތަފާތު ވައްތަރުގެ މާގަސްތައް އިންދާފައި ހުއްޓެވެ. އެހެންނަމަވެސް އެއިން އެއްވެސް ގަހެއްގެ ސިއްހަތު މާ ރަނގަޅެއް ނޫނެވެ. ހައްދާން މާ ބޮޑު މަސައްކަތެއް ކުރާކަމަކަށް ވެސް ނުފެނެއެވެ. ފެނާއި ކާނާއިން މަހުރޫމުވެފައި ހުރުމުން ފެންނަނީ އަނަރޫފަކޮށެވެ. ދިރުމެއް ނެތް ގޮތަށެވެ.
އެ ތިން މީހުންގެ އިޝާރާތަށް ހުރިހައި ދިވެހިން އެ ގެއަށް ވަނެވެ. ވަދެވުނީ އެ ގޭ ސިޓިންރޫމަށެވެ. އެއީ ބޮޑު ސިޓިންރޫމެކެވެ. ސިޓިންރޫމެކޭ ބުނި ނަމަވެސް ހީވަނީ އޮފީހެއްގެ އެތެރެ ހެންނެވެ. ދުވަސްވެ ބާވެފައި ހުރި ލަކުޑި މޭޒުތައް އަތުރާފައި ހުއްޓެވެ. އެއިން ކޮންމެ މޭޒެއްގެ ކައިރީގައި ލަކުޑި ގޮނޑިއެއް ހުއްޓެވެ. ކޮންމެ މޭޒެއްގެ މަތީން ވެސް ފެންނަނީ ފޮތްތަކާއި ފައިލުތަކެވެ. އެ ތަނުގެ އެތެރެއިން ފެންނާން އޮތް ސަރައްކާލީގެ ދެ ފަރާތުގައި ހުރީ ކޮޓަރިބަރިއެވެ. ފަރާތެއްގައި ތިން ކޮޓަރި ހުރިކަމަށް ލަފާކުރެވެއެވެ.
އެ ގެއަށް ވަނުމާ އެކު، އިތުރު ހަ މީހަކާ ބައްދަލުވެއްޖެއެވެ. އެ މީހުން ވާހަކަ ދައްކަން ފެށީ ހިންދީ ބަހުންނެވެ. އެ ތަނުގައި ތިބި އެއްވެސް ދިވެއްސަކަށް ހިންދީ ބަހެއް ނޭނގެއެވެ. އެހެންކަމުން އަތުގެ ހަރަކާތުންނާއި އެހެނިހެން ގޮތް ގޮތުން، ތަފާތު ސުވާލުތައް އެ މީހުން ކުރަމުން ގެންދިޔައެވެ. ކޮން ގައުމެއްގެ ބައެއްތޯއާއި މި ރަށަށް އައީ ކީއްކުރަންތޯއާއި މި ކަހަލަ ސުވާލުތަކެވެ.
އަހުމަދުދީދީ އިސްވެ ހުރެ، އެ މީހުންގެ ސުވާލުތަކަށް އިޝާރާތާއި ހަރަކާތުން، ޖަވާބު ދެވޭތޯ މަސައްކަތް ކުރިއެވެ. އެއީ ދިވެހިރާއްޖޭގެ ބަޔަކުކަމާއި ބެހިގެން މިހައި ހިސާބަށް އާދެވުނީ ކަމަށް ބުނެދިނެވެ.
އެ މީހުންގެ ވާހަކަތަކުން އެނގުނީ، މިއީ ތިބެން މާ ރައްކާތެރި ސަރަހައްދެއް ނޫންކަމެވެ. މި ރަށާ މާ ދުރުނޫން ހިސާބެއްގައި، ޖަޕާނު ސިފައިންގެ ބާރުގެ ދަށުގައި އޮތް ރަށެއް އޮތްކަމެވެ. އެ ރަށަށް ދެވިއްޖެ ނަމަ، ސަލާމަތެއް ނުވާނޭކަމެވެ. އެއްވެސް ރަޙުމެއް ނެތި، އެންމެންގެ ގަޔަށް ބަޑިޖަހައި މަރައިލާނޭކަމެވެ. އެހެންކަމުން އެ ރަށަށް ނުދިޔުމަށް އެ މީހުން ވަރަށް ބޮޑަށް ބާރުއަޅައި ވާހަކަދެއްކިއެވެ.
އެ މީހުންގެ ވާހަކައިން އެނގުނު ގޮތުން، އެ މީހުންނަކީ އިންޑިޔާ ބަޔެކެވެ. މި ރަށަކީ ވަރަށް ގިނައިން ވެލާ އަރާ ރަށަކަށްވާތީ، އެ މީހުންގެ މަސައްކަތަކީ، މި ރަށަށް އަރާ ވެލާ ހިފައިގެން އޭގެ މަސް ވިއްކުމެވެ. ދެވަނަ ބޮނޑުހަނގުރާމައިގެ ކުރިން މި ރަށަކީ، އިންޑިޔާގެ ބެލުމުގެ ދަށުގައި އޮތް ރަށެކެވެ. އޭރުވެސް އެ މީހުން މި ރަށުގައި ކުރަނީ ހަމަ އެ މަސައްކަތެވެ. މިއަދު މި ރަށަކީ ވެސް ޖަޕާނުންގެ އަތްދަށުގައި އޮތް ރަށެކެވެ. އެހެންނަމަވެސް ޖަޕާނުން އެ މީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެއެވެ. އެ މީހުންގެ މަސައްކަތުގައި އެ މީހުން ބޭތިއްބީއެވެ.
އެ މީހުންގެ ވާހަކަތަކުން އިތުރަށް އެނގުނީ، އެއީ އިއްތިހާދީންނާ އެއްކޮޅަށް ތިބި ބަޔެއް ކަމެވެ. ޖަޕާނު މީހުންނާ އެއްވެސް ގުޅުމެއް އޮތް ބަޔެއް ނޫންކަމެވެ. އެހެންކަމުން އެ މީހުންގެ ކިބައިން އެއްވެސް ކަހަލަ ނުރައްކަލެއް ނާންނާނޭކަން ޔަގީނެވެ. މި ޔަޤީންކަން ލިބުމުން، އޮޑީގެ އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އެކި ކަންކަމާ ބެހޭގޮތުން، އެނގުނު ގޮތަކަށް ވާހަކަ ދެއްކުމަށްފަހު، އެ މީހުން އެދުނީ އެ މީހުންނާ އެކު އޮޑިއަށް ދިޔުމަށެވެ. އެހެންކަމުން އެ ނުވަ މީހުންނާ އެކު، ހުރިހައި ދިވެހިން ދިޔައީ އަތިރިމައްޗަށެވެ. އޭގެތެރެއިން ތިން މީހަކު އޮޑިއަށް އެރިއެވެ. އެ މީހުން އެދުނީ ސަމުގާ ދެއްކުމަށެވެ. އަހުމަދުދީދީ އެ މީހުންނަށް ސަމުގާ ދެއްކުމުން، އިންޑިޔާއަށް ދާނޭ މިސްރާބު އެ މީހުން ސަމުގާއިން ފާހަގަކޮށްދިނެވެ. އެހެން މިސްރާބަކަށް ދަތުރު ނުކުރުމަށް، ވަރަށް ބޮޑަށް އިލްތިމާސްކުރިއެވެ. އިންޑިޔާއަށް ދެވިއްޖެ ނަމަ، ސަލާމަތްވުމުގެ ފުރުޞަތު ބޮޑުކަމަށާއި އެހެންނޫނީ ޖަޕާނުންގެ އަތްދަށުވެ، އެ މީހުންގެ ގަދަފަދަ އަނިޔާއާ ކުރިމަތިލާން ޖެހިދާނޭ ކަމުގެ އިންޒާރު ވެސް ދިނެވެ.
އަނެއްކާވެސް އެންމެން ގޮވައިގެން، އެ މީހުން ދިޔައީ އެއްގަމަށެވެ. ބަނޑުހައިވެފައި ތިބުމުގެ ސަބަބުން ކާންދިނުމަށެވެ. އެގޭ ކާގެއަށް ވެއްދުމަށްފަހު، ކާތަކެތި ގެނެސް ކުރިމަތީގައި އަތުރާލައިފިއެވެ. ފެނުކައްކާފައި ހުރި ވެލާބިހާއި ހަނާކޮށްފައި ހުރި ފަރުމަސް ހުއްޓެވެ. ދެން ހުރީ ތަފާތު ވައްތަރު ވައްތަރުގެ ފަތްޕިލާވެއްޔެވެ. ހޫނުފެނާއި ގޫޑުހަކުރެވެ. އެންމެންވެސް ވަރަށް ރަނގަޅަށް ކެއެވެ. ކައި ނިމުނުއިރު، އިރު އޮއްސި އަނދިރިވާން ފަށައިފިއެވެ.
ދުވަސްތަކަކަށްފަހު، ރަނގަޅަށް ފެންވަރާލެވުމުން، ކޮންމެ މީހަކަށް ވެސް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހައްޓަށް ލިބުނު ލުއި އެއަށްވުރެ ބޮޑުވިއެވެ. އެންމެން އެއް ޖަމާޢަތެއްގައި ނަމާދުކޮށް، ލެއްވި ރަޙުމަތަށް ﷲއަށް ޙަމްދުކުރިއެވެ. އެއަށްފަހު ދެން އޮތީ ނިދުމެވެ. އެ ގޭގައި ހުރި ކޮޓަރިތަކުން ދެ ކޮޓަރި އެ މީހުންނަށް ލިބުނެވެ. އެއް ކޮޓަރި ޚާއްޞަކުރީ ޒުވާން ދެމަފިރީންނަށެވެ. ބާކީ ތިބި މީހުން އަނެއް ކޮޓަރީގައެވެ.
ކޮޓަރީގެ ހިލަ ތަޅުންގަނޑު މަތީގައި އަޅާފައިވާ ބާ ސާންތިގަނޑު، ފުއްކަފަ ގޮދަޑިއަކަށް ވުރެ ވެސް އަރާމުކަމުގައި މި ރޭ އެ މީހުންނަށް އިހުސާސް ކުރެވުނެވެ. ކަނޑުގެ ބިޔަ ރާޅުތަކާއި، ދެކޮޅަށް ދެމޭ ގަދަފަދަ އޮއިވަރާއި، ބާނިތަކުގެ ތެރޭގައި ހަލުވަމުން، ތަޅުވަމުން ދިޔަ ކުޑަ އޮޑިގަނޑެއްގައި، އެތައް ރެއަކާއި ދުވާލެއް ހޭދަކޮށްފައިވާ ބަޔަކަށް ވާނެ ގޮތް، އެ މީހުންނަށް އިސާހިތަކު ވެއްޖެއެވެ. ގަދަ ނިދީގެ ބާރުގެ ދަށުގައި، އެންމެން މަޝްޣޫލުކުރުވައިފިއެވެ.
ޖެހިގެން އައި ދުވަހު އޮތީ ދަތުރަށް ތައްޔާރުވުމެވެ. އެ ރަށުގައި ހުރި ވިއްސަކަށް ރުކުން ކުރުނބާ އަޅައި، އޮޑިއަށް އެރުވިއެވެ. ގޯނިގޯންޏަށް އަޅައިގެން، ފަސް ހާހެއްހައި ވެލާބިސް އޮޑިއަށް ލިޔެވެ. މީގެއިތުރުން ބޯފެން ވެސް އެރުވިއެވެ. އިންޑިޔާއަށް ގޮސް، ފުރަތަމަ ބައްދަލުވާ ބަޔަކަށް ދައްކާށޭ ކިޔާފައި، ހިންދީ ބަހުން ލިޔެފައި އޮތް ލިޔުމެއް ވެސް އެ މީހުންނާ ހަވާލުކުރިއެވެ. ކޮންމެއަކަސް އެއީ ވަރަށް ހިތްހެޔޮ، އެހައިމެ އިޚުލާސްތެރި ބަޔެކެވެ. ޢާއިލީ ބަޔަކު ވެސް ހެޔޮވެފައި، އޯގާވެރިވާނީ އެހައިކަންހައި ވަރަށެވެ.
އެ ނުވަ މީހުންގެ ހެޔޮދުޢާއާ އެކު، އޮޑި އެ ރަށުން ފުރީ، ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. ދަމަކަށް އިރު އެރިފަހުންނެވެ. ދަތުރު ކުރަމުން ދިޔައީ، އެ މީހުން ދެއްކި މިޞްރާބަށެވެ. މިހާރު ކޮންމެ މީހެއްގެ ހިތަށް ވެސް ވަނީ، އިހުނާ އަޅައި ބަލާއިރު، ވަރަށް ބޮޑު ހަމަޖެހުމަކާއި ފިނިކަމެއް ލިބިފައެވެ. ދާންވީ މިޞްރާބު އެނގުމުންނެވެ. ގޮސް ކަންކުރާންވީ ގޮތް ކިޔައިދިނުމުންނެވެ. ސަލާމަތުން ރާއްޖެއަށް ދެވޭކަށް ދެނެއް މާ ގިނަ ދުވަހެއް ނެތްކަން ވިސްނުމުންނެވެ.
މެންދުރުން އަނބުރައިފިއެވެ. ނަލަ ވައިގައި އޮޑި ދުވަމުން ދަނީ، ބޭނުންވާ މިޞްރާބަށެވެ. އެންމެންގެ މޫނުމަތީން ވެސް ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އާދަނާއާއި ހައްވާދިޔެ ތިބީ ދިރުނބާކޮޅު މަޅުމަތީގައެވެ. އާދަނާ އޮތީ ހައްވާދިޔެގެ އުނގުގައި ބޯ އަޅާލައިގެން، ދުނިޔަވީ ވާހަކަތަކާއި ސަމާސާކުރުންތަކުގެ ތެރޭގައެވެ. އަދަނާ ބުނެލާ ބައެއް ބަސްބަހުން، ހާއްވާދިޔެ ލަދުރަކި ގޮތަކަށް ހިނިތުންވެލާތަން ފެނެއެވެ. ހީލާފައި އާދަނާއާ ހަނގާކޮށްލާތަން ފެނެއެވެ. ލޯބިވާ ދެމަފިރިއެއްގެ، ލޯބިން ފުރިފައިވާ، އެހައިމެ ލޯބި މަންޒަރެކެވެ.
އަސުރުން އިރު ތިރިވެއްޖެއެވެ. ގިނަ އިރުތަކެއް ނުވެ، ހުޅަނގު ފަރާތުން ވިއްސާރަ ވިލާގަނޑެއްގެ އަސަރު ދައްކާލައިފިއެވެ. ބަސްބުނާ ހިނދުން ވިލާގަނޑު ނަގައި ބޯމަތި ކުރާން ފަށައިފިއެވެ. ހުޅަނގު ފަރާތް އަނދުން ފަތްގަނޑަކަށް ހަދަމުންނެވެ.
“މި ނަގަނީ ލާހިކު ގޮތަކަށް ދާނެ ވިލާގަނޑެއް ނޫން!” އަހުމަދުދީދީ އެ ދިމާއަށް ބަލަން ހުރެފައި، މަޑުމަޑުން ބުނެލިއެވެ.
އޮޑީގެ އެންމެންގެ ކަޅި ހުއްޓިފައި ހުރީ އެ ދިމާއަށެވެ. އޭރު އެ މީހުންގެ މޫނުމަތީގައި، މީގެ ކުރިން ދުވެ، ސަމާސާކުރަމުން ގެންދިޔަ އުފާވެރިކަން މަޑުމަޑުން އޮބެމުން، ނުތަނަވަސްކަމުގެ ބަނަކަން ހިލެމުން ދެއެވެ. ކުރިމަތީގައި މި އޮތީ ރޭގަނޑެވެ. ނަގަމުން އެ ދަނީ ކަޅު، ބޯ ވިއްސާރަ ވިލާތަކެވެ. ވިއްސާރައިގެ ދުއްޕާން އިންތިހާއަށް ފޯރާނޭ ރެއެއްކަމުގެ ގަދަފަދަ އިންޒާރު ދެމުންނެވެ.
އެކަކަށް އަނެކަކުގެ މޫނަށް ބަލައިލާން ނުކެރޭ ފަދަ ހާލަތެއްގައި، ޖަހާފައި ތިބި ބުދުތަކެއްހެން ތިއްބާ، ބޫން އަޑާ އެކު، ކަނޑު ކައްކަމުން ގަދަފަދަ ވައިރޯޅީގެ ފައުޖު އޮޑިއާ ދިމާއަށް މިސްރާބު ޖަހައިއެވެ. އަހުމަދުދީދީއަށް ހަޅޭއްލަވައިގަނެވުނެވެ. ހުއްޓުން އަރާފައި ތިބި މީހުންނަށް، ހަރަކާތް އަތުވެއްޖެއެވެ. ރިޔާ ތިރިކުރާން ކުރި މަސައްކަތުން އެކަން ކޮށްލެވިއްޖެއެވެ. އިތުރު ކަމެއް ކުރާނެ ފުރުޞަތެއް ނުދިނެވެ. އައި ބާރު ވަޔާއެކު، ވާރޭގެ ލަޝްކަރު އޮޑިއަށް އަރައިފިއެވެ. އޮޑިއަށާއި އޮޑީގައި ތިބި މީހުންނަށް ވާރޭގެ ބޮޑު ތިކީގެ ހަމަލާ ދޭންފެށީ، ރަޙުމެއް ހަމްދަރުދީއެއް ނެތިއެވެ.
އެންމެން ތިބީ ތެމި ފޯވެފައެވެ. ޖެހޭ ވައިގެ ބާރުކަމާއި ވެހޭ ވާރޭގެ ބޯކަމުން، ހީކަރުވައިގެންފިއެވެ. މީގެ އިރުކޮޅެއް ކުރީން އުފަލުން ފޮޅިފައި އިން ހައްވާދިޔެ، މިހާރު އިން ހާލު ފެނިފައި، އާދަނާގެ ހިތަށް ކުރީ ވަރަށް ފުން އަސަރެކެވެ. އެ ފަކީރަށް ޖެހެމުން އަންނަ ނިކަމެތި ހާލަތު ވަޒަންކުރެވި، އާދަނާއަށް ރޮވުނެވެ. ހިތުން ލޭކަރުނަ އޮހިގަތެވެ. ކިތަންމެ ހިޔެއް ކެރުވިޔަސް، ކޮށްދެވޭނެ ކަމެއް ނެތެވެ. ހިޔާ ވެލެވޭނޭ ފަދައެއް ނެތެވެ. އެފަދަ އެއްޗަކަށް ކިރިޔާވެސް އޮތީ، ކުދިކުދިވެ، ތެމިފޯވެފައި އޮތް ރިޔަލެވެ.
އާދަނާއަށް ގޮސް ހައްވާދިޔެ ގަޔާ ކައިރިކޮށްލެވުނެވެ. ހައްވާދިޔެއަށް ރޮވެނީއެވެ. ހީކަރުވައިގެން ރޫރޫ އަޅަނީއެވެ. އާދަނާއަށް ހިތްވަރުގެ ބަހެއް ވެސް ބުނެލެވޭވަރެއް ނުވިއެވެ. އެހެންކަމުން ހެޔޮ ދުޢާ ކޮށްލަ ކޮށްލައި އިނީއެވެ.
ވެހޭ ބޯ ވާރޭގަނޑަށް ކުޑަކުޑަ ދުލެއް ވެސް ޖެހިނުލައި އުޅެނިކޮށް، އިރު އޮއްސި، ދުނިޔެމަތި އަނދިރިކޮށްލައިފިއެވެ. އިތުރު ބިރުވެރިކަމެއް އެބައިމީހުންގެ މައްޗަށް އާންމު ކުރުވައިފިއެވެ. ރޭގަނޑުގެ އަނދިރިކަމާއި ވިއްސާރައިގެ ކަޅުކަމާއި ޖެހޭ ވައިގެ ފިނިކަން އެމީހުން ވަށާލައިފައި ވަނީ، ނާމާން ކަމާއި ބިރުވެރިކަން އިންތިހާއަށް ވެރިކުރުވަމުންނެވެ. ނަގާ ބިޔަ ރާޅުގެ ސަބަބުން، ދެންމެދެންމެ އޮޑި ކުދިކުދި ކޮށްލަފާނޭހެން ހީވާ އެތައް ފަހަރެއް އާދެއެވެ. އެއްވެސް މަންޒިލެއް، މިޞްރާބެއް ނެތި، އޮޔަށް ވަޔަށް އޮޑި ހޫރެމުން އޮވެދެއެވެ. މި ވަގުތު އެ މީހުންގެ ނަޞީބުގައި އޮތް ދިމާއަށެވެ. ﷲ އަށް ވަކީލުކޮށްލައިގެން ތިބުން ނޫން ގޮތެއް ނެތެވެ.
އެ ރޭ ހަތަރުދަން އެ މީހުންނަށް ހޭދަކުރަން ޖެހުނީ އެ ފަދަ ހާލެއްގައެވެ. ބޯ ވިއްސާރައިގެ ތެރޭގައެވެ. ކޮންމެ މީހަކު ވެސް ވަނީ، ހީކަރުވައި ގަނެގެން ގޮސް ރޫޅޭވަރުވެފައެވެ. ހަތަރެސް ފަޔާއި މުޅި ހަށިގަނޑު ވަނީ، އައްސިވެ ގަނޑުވާން ކައިރިވެފައެވެ.
އެ ދުއްޕާން ރެއަށް ވެސް ނިމުން އަތުވެއްޖެއެވެ. ދުވާލުގެ އަލިކަން، ދުނިޔެ މައްޗަށް ވެރިވާން ފަށައިފިއެވެ. އޭރުވެސް ވާރެއެއް ނުހުއްޓެއެވެ. މާ ބޯކޮށް ނޫންނަމަވެސް އާދައިގެ ވަރަކަށް ވެހެމުންދެއެވެ. ވައި ތަންކޮޅެއް މަޑުވެއްޖެއެވެ. ކޮޅިގަނޑު މައިތިރިވާން ޖަހައިފިއެވެ. އެހެންނަމަވެސް ރިޔާ ނެގޭ ވަރެއް ނުވެއެވެ. އެހެންކަމުން ހަމަ ކުރިއެކޭ ވެސް އެއްގޮތަށް، އޮޑި ދަނީ އޮޔަށް ވަޔަށް ކެހެމުން ބެހެމުންނެވެ.
އިރު އެރިއިރު އޮޑީގެ ވައި ދަށް ފަރާތުން ބޮޑު ރަށެއްގެ މަލަމަތި ދައްކާލައިފިއެވެ. އޮއިވަރާ އެކު އޮޑި ގެންދަނީ، ހަމަ ސީދާ އެ ރަށާ ދިމާއަށެވެ. އޮޑީގެ މިޞްރާބު އެހެން ދިމާއަކަށް ބަދަލުކުރެވޭނޭ ހަމަ އެއްވެސް ގޮތެއް، އެ މީހުންގެ ކިބަޔަކު ނެތެވެ. ކުޑަ ރަށުން ދިމާވި މީހުން ދެއްކި ވާހަކަތައް ހަނދާންވުމާ އެކު، ކޮންމެ އެންމެންގެ މޭތެޅިގަތެވެ. އެއީ އެ މީހުން ބުނި ޖަޕާނު ސިފައިން އުޅޭ ރަށަށް ވެއްޖެ ނަމަ ދުވަސް ދިޔައީއެވެ.
ކިތަންމެ ބިރުގަތަސް، ކުރެވޭނެކަމެއް ނެތެވެ. ރިޔާ ނެގޭވަރަށްވުރެ އަދިވެސް ވައި މާ ބާރެވެ. އަމިއްލަ ބާރުގެ ދަށަށް އޮޑި ގެނެވޭނެ ހަމަ އެއްވެސްގޮތެއް ނެތެވެ. އެހެންކަމުން ހެޔޮދުޢާކުރުން މަތީގައި ތިއްބާ، އޮޑި ގޮސް އެރަށު ފަރާ ކައިރިވެއްޖެއެވެ. އެންމެންގެ ބުރަ މަސައްކަތުން އޮޑި ފަޅަށް ވައްދައިފިއެވެ. ފަރަށް އަރައި އޮޑި ކުދިކުދިވެދާނެތީއެވެ.
އެއީ މާ ބޮޑު ފަޅެއް ނޫނެވެ. އެހެންކަމުން އޮޑި ގޮނޑުކޮށްލާކަށް ގިނަ ވަގުތެއް ނުނެގިއެވެ. ގޮނޑުދޮށާ އޮޑި ކައިރިކޮށް، ނަގިލި ލައިގެން ތިބީ ވައިރޯޅި މަޑުވެ، ރިޔާ ނެގޭނޭ އިރެއްގެ އިންތިޒާރުގަވެ. އޭރު އެ ދުވަހުގެ އިރު ދަމަކަށް އަރައިފާނޭ ކަމަށް ލަފާކުރެވެއެވެ.
މި ރަށަކީ މީގެ ކުރިން ފެނުނު ހުރިހާ ރަށްރަށަށްވުރެ ވެސް ބޮޑު ރަށެކެވެ. ބިންގަނޑު އުސް، ގަސް ބޯ ރަށެކެވެ. އެ ރަށު ފަޅުތެރޭގައި އޮޑި އަޅާލައިގެން ތިބޭތާ ފަނަރަ ވަރަކަށް މިނެޓު ވީއިރު، ދިރޭ ފުރާނައެއްހައި މިންވަރު ވެސް އެ ރަށުން ނުފެނެއެވެ. ކުރީން ދެވުނު ބައެއް ރަށްރަށުން ދިމާވި ބައެއް ކަހަލަ ކަންކަން ހަނދާންވުމުން، މޭޖެހޭގޮތް ވެސް ވާން ފަށައިފިއެވެ. މި ފަހަރު އެ ގޮތަށް މިނިކާވަގެއް، ސިންގާއެއް ފަދަ އެއްޗެއް ގޮނޑުދޮށަށް ފައިބައިފި ނަމަ، ސަލާމަތްވާން ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާނެއެވެ.
“ހާދަ ބޮޑަށް އެބަ ހީކަރުވައޭ؟ ދެން ކެތެއް ނުވާނެ!”
ހައްވާދިޔެއެކޭ ހިނގަހިނގާ ހުރި އިންޖީނެކޭ އެއްފަދައެވެ. ތުރުތުރުއަޅަނީއެވެ. ހީކަރުވައިގެން ގޮސް ފުނޑުފުނޑުވަނީއެވެ. އާދަނާއަށް އެކަން އެނގެއެވެ. އޭނާ އިނީ ކުރާނެކަމެއް ނެތި، ގޮތް ހުސްވެފައެވެ. ހައްވާދިޔެގެ ހަތަރެސް ފަޔަށް ހޫނުކުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނާގެ އަތަކީ ވެސް މި ވަގުތު ގަނޑުފެންކޮޅެކެވެ. ގިނައިރު ކޭތުމުން އެ ދެމެދުން ހޫނުކަމުގެ ކަންފުޅެއްގެ އަސަރު އިހުސާސްވާހެން ހީވެއެވެ. މިކަން ކުރާން ފެށުމުން މަޑުމަޑުން ހައްވާދިޔެ ހަމައަކަށް އެޅޭން ފަށައިފިއެވެ.
ބައިގަޑިއެއްހައި އިރު ފަހުން، ރަށުގެ އިރުމަތީ ކޮޅުން، ތިން މީހަކު އަންނަތަން ފެނިއްޖެއެވެ. އެ މީހުން އައީ ރާޅުފެނުގައި ހިނގަމުންނެވެ. އެކަކުގެ ކޮނޑުގައި އެއްޗެއް އޮތެވެ. ތަންކޮޅެއް ކައިރިވުމުން، އެއީ މަސްހިފާ ކަހަލަ ދަލެއްކަން އެނގުނެވެ. ސޯޓަކާއި ޓީޝާޓެއް ލައިގެން ތިބި، އެ ތިން މީހުންނަކީ، މަސްހިފަން ނިކުމެ އުޅޭ ތިން މީހުންކަން، އެ މީހުންގެ ހަރަކާތުންނާއި ތިބި ގޮތުން އެނގެއެވެ.
އެ މީހުންނަށް އޮޑި ފެނުމާ އެކު، ހިނގުން ބާރުކޮށްލައިފިއެވެ. ސީދާ ދޯންޏާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ. އެ ހިނގުމުގައި ހަރުގޮތެއް ހުއްޓެވެ. އެއައި ގޮތަށް އައިސް، ފުރަތަމަވެސް އެންގީ އޮޑި އައްދޮށް ކުރުމަށެވެ. ކިޔަމަންވުން ނޫން ގޮތެއް ނެތެވެ. އަހުމަދުދީދީގެ އެންގުމަށް، ފިޔޯރީ އާދަނާ ދިޔައީ ގެނބުރު ވަލަށެވެ. އަލިފުތާ ދިޔައީ ފުށަތު ވަލަށެވެ. ގެނބުރު ވަލަށް ދޫދެމުން، އައްދޮށުވަލަށް ދަމާން ފެށުމާ އެކު، އޮޑި އައްދޮށް ވެއްޖެއެވެ. އެ ތިން މީހުން އެއްގަމުގައި ތިއްބެވެ. އޮޑިއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޮޑި ކައިރިވުމާ އެކު، އެންމެންގެ މޫނަށް ވަކިވަކީން ބަލާންފެށިއެވެ.
އެންމެން އޮޑިން ފައިބާން އެ މީހުން އަމުރުކުރިއެވެ. އަތުގެ ހަރުކަށި އިޝާރާތުންނެވެ. ފަހަރަކު މީހަކު އޮޑިން ފައިބާން ފަށައިފިއެވެ. ބިރުން ތިބެއެވެ. މިއީ މާ ރަނގަޅު ބަޔެއް ހެނެއް ހިއެއް ނުވެއެވެ. އެ މީހުންގެ ބެލުމާއި ހަރަކާތުގައި އެއްވެސް ކަހަލަ އޯގާވެރިކަމެއް ހަމްދަރުދީއެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ ހަރުކަށިކަމެވެ. ރުޅިވެރިކަމެވެ. ރަހުމުކުޑަކަމުގެ އަލާމާތްތަކެވެ.
ފަހަރަކު މީހަކު ފައިބަމުން ގޮސް، ހަތް ވަނައަށް ފޭބީ އަދަނާއެވެ. ހައްވާދިޔެ ފޭބީ، އާދަނާގެ އަތްދަނޑިމަތީންނެވެ. ހައްވާދިޔެ ގެނެސް އެއްގަމުގައި ބެހެއްޓުމާ އެކު، އެ ތިން މީހުން ހައްވާދިޔެއާ ދިމާއަށް ބަލާންފެށިއެވެ. ހާންތިވެފައި ތިބި މިނިކާވަގުތަކެއް ފަދައިންނެވެ. އާދަނާއަށް މިކަން ފާހަގަކުރެވުމުން، ހައްވާދިޔެގެ އަތުގައި ބާރަށް ހިފެހެއްޓުނެވެ. ބޭއިޚުތިޔާރުގައެވެ. ހައްވާދިޔެއަށް ޖެހިލެވުނީ، އާދަނާގެ ފުރަގަހަށެވެ. އޭނާގެ ހިތުގެ ތެޅުން އިހުސާސްވާހައި ކައިރިއަށް ޖެހިލެވުނެވެ. އޭނާ ބޭނުންވަނީ އާދަނާގެ ހަށިގަނޑުގެ ތެރޭގައި ބޮނދާށެވެ.
އޮޑީގައި ތިބި އެގާރަ މީހުން ފައިބާ ހަމަޖެހުމާ އެކު، އެ ތިން މީހުން ކުރިއަށް ޖެހިލައި، ސުވާލު ކުރާން ފަށައިފިއެވެ. އެ މީހުން ވާހަކަ ދައްކަނީ ކޮން ބަހަކުން ކަމެއް، އެއިން އެކަކަށް ވެސް ނޭނގެއެވެ. ކިޔާ އެއްޗެއް ރޭކާނުލައެވެ. އެއް ސުވާލެއް ތިން ހަތަރު ފަހަރު ތަކުރާރު ވެސް ކުރެއެވެ. ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުމުން، އޮޑި ބަލަހައްޓަން އެޅެފުތާގެ މުހައްމަދާއި މާބޭގެ ފުޅާއި ދެ ޒުވާނުން ބައިތިއްބާފައި، އަނެއް ނުވަ މީހުން ގޮވައިގެން، އެ މީހުން ހިނގައިގަތީ އެއްގަމަށެވެ.
އެއްގަމަށް އެރުމަށް ޓަކައި ހިނގައިގަތްއިރު، އެ ނުވަ މީހުންގެ ތެރޭގައި ޢާންމުވެފައި ވަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. ކަންތައްތައް މި އަންނަނީ ގޯސްވަމުން ކަމުގައި، ކޮންމެ މީހެއްގެ ހިތް ވެސް ބުނާން ފަށައިފިއެވެ. ހާސްވެ ކަންބޮޑުވެފައި ތިބިލެއް ބޮޑުކަމުން، އެއްވެސް މީހަކަށް އަނގައިން ބުނާކަށް ނުކެރުނެވެ. ކުރިން ދިޔަ ރަށުން ދިމާވި އިންޑިޔާ މީހުން ދެއްކި ވާހަކަތައް ހަނދާންވުމުން، ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވަކިން ބޮޑުވިއެވެ. ޖަޕާނު ސިފައިންގެ ބާރުގެ ދަށުގައި އޮތް ރަށަކީ މިއީ ބާވައެވެ؟
އެއްގަމަށް އެރުމަށް ޓަކައި، އެ މީހުންނަށް އެޅުނީ ދެތިން ފިޔަވަޅެކެވެ. އިތުރު ފަސް މީހަކު އެ ތަނަށް އަތުވެއްޖެއެވެ. މިހާރު އެ މީހުންގެ އަށް މީހުން ހަމަވީއެވެ. އެ އަށް މީހުން، ނުވަ ދިވެހީން ގޮވައިގެން އެއްގަމަށް އަރައިފިއެވެ.
މިއީ ވެސް ގަސް ގިނަ ރަށެވެ. ހޭޅި ބޮލެވެ. ދުވަހަކު ނުދެކޭ ޒާތްޒާތުގެ ގަސްތައް ބައިވަރެވެ. މަގުގެ ދެ ފަރާތުގައި ބޮޑެތި ގަސްގަހާއި ކުދި ގަސްތައް ޖެހި ފިތިގެން ފުނިފުންޏަށް ހުއްޓެވެ. ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑާއި ގަސްތައް ވަނީ ތެމި ފޯވެފައެވެ. ބައެއް ގަސްގަހުގެ ފަތްތަކުގެ ކުރިން މިހާރުވެސް ފެންތިކި ޖަހައެވެ. މި ނުވަ ދިވެހީންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލުގެ މައްޗަށް ހިތާމަކޮށް، އެ ގަސްތައް ކަރުނަ އަޅާ ކަހަލައެވެ.
ހިނގަމުން ދިޔަ ހަނި މަގުގައި ހެދިފައި ހުރި ބައެއް ފެންގަނޑުގަނޑުން ނެއްޓެމުން، އަނެއްބައި ފެންގަނޑުގަނޑަށް އެރިގެން، ނުވަ މީހުން ކުރިއަށް ދިޔައެވެ. އެ މީހުންގެ މައްޗަށް އަމުރު ހިންގާން ތިބި އަށް މީހުންގެ ފަހަތުންނެވެ. އެ މީހުން ކުރީގައި ތިއްބެއްކަމަކު، މިނެޓަކު ތިން ހަތަރު ފަހަރު އެނބުރި ފަހަތަށް ނުބަލައި ހަމަ އެކަކު ވެސް ނެތެވެ.
ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ހިނގުނުފަހުން، މީހުން އުޅޭ ސަރަޙައްދަށް ދެވިއްޖެއެވެ. އޭރު އެންމެން ވެސް ތިބީ، ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހައިވެގެން ގޮސް، ހާންތިވާން ކައިރިވެފައެވެ. ކުރީ ރޭ ނުނިދާ ތިބުމުގެ ސަބަބުންނާއި އެއްޗެއް ނުކައި ތިބުމުގެ ސަބަބުން، ވަރަށް ބޮޑަށް ބަލިވާގޮތް ވެފައެވެ.
ރަށުގެ މީހުން އުޅޭ ހިސާބަށް ދެވުމާ އެކު، އެ މީހުންނަށް ލިބުނު ސިހުން ވަރަށް ބޮޑުވެއްޖެއެވެ. އައި ނައި ދިމާއެއް ނޭނގި، ކުއްލިއަކަށް އައިސް އެ މީހުން ވަށައިލީ ބޮޑު ބައިގަނޑެކެވެ. ވިއްސަކަށް ފަންސަވީހަކަށް މީހުން ތިއްބެވެ. އެ މީހުން އެންމެ އެއްގޮތީ އިންޑިޔާ ހިސާބުގެ ބަޔަކާއެވެ. ވާހަކަ ދައްކަނީ އުރުދޫ ނުވަތަ ހިންދީ ބަހުންނެވެ. އެ މީހުންގެ ފަރާތަކުން އެއްވެސް ކަހަލަ ނުރައްކަލެއް ނާދެވެ. އެ މީހުން ދެއްކި ވާހަކަތަކުން އެނގުނީ، މި ރަށުގައި ވެރިކަން ކުރަނީ ޖަޕާނު ސިފައިންކަމެވެ. ޖަޕާނު ސިފައިންގެ އަތް ދަށުވެއްޖެ ނަމަ، ސަލާމަތްވުމުގެ އެއްވެސް އުއްމީދެއް ނެތްކަން، އެ މީހުންގެ ވާހަކަތަކުން ދޭހަވިއެވެ.
އަނެއްކާވެސް އެއްކަހަލަ އަށް މީހުން، ދިވެހީންގެ ނުވަ މީހުން ގޮވައިގެން ހިނގައިގެންފިއެވެ. ވާން އުޅޭ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. ކޮންމެ މީހެއްގެ ވެސް ހިތް ތެޅެމުންދަނީ ވަރަށް ބާރަށެވެ. ބިރުވެރިކަމާއި ނުރައްކާތެރިކަން ވަނީ ހަ ފަރާތުން ވަށާލައިފައެވެ. ޔަޤީންވާ ކަމަކީ، މިއީ ޖަޕާނުންގެ އަތްދަށުގައި އޮތް ރަށެއް ކަމެވެ. ބާރު ހިންގަނީ ޖަޕާނު ސިފައިންކަމެވެ. އެ މީހުންގެ ވެރީންނަށް މިއަދު އެ ތިބަ އަށް މީހުންނަކީ، ޖަޕާނު ސިފައިން ނޫން ނަމަވެސް، އެހައި ހިތް ސާފު ބަޔެއް ނޫންކަމެވެ. އެ މީހުންގެ ބެލުންތަކާއި ޢަމަލުތަކުގައި ހަމްދަރުދީއެއް ނެތެވެ. އެހެންނަމަވެސް ދުޢާއަކީ ދެރަ ގޮތެއް ނުވުމެވެ.
ކަންތައް ދިމާވީ ހީކުރި ގޮތަށެވެ. އެހެންނަމަވެސް ހީކުރި ގޮތަކަށް ނޫނެވެ. އެ މީހުން ގޮވައިގެން ގެންގޮސް ވެއްދީ ފުލުސް އޮފީހަށެވެ. ހަވާލުކުރީ ފުލުހުންނާއެވެ. އެއީ ޖަޕާނު ފުލުހުންނެއް ނޫނެވެ. އެރަށުގެ ފުލުހުންނެވެ. ފުލުސް އޮފީހަކީ ވެސް ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި، ދެރަވަރު ތަނެކެވެ. އޮފީހަކަށްވުރެ ބޮޑަށް އެ ތަން ވައްތަކީ ގެއަކާއެވެ. ބާ ގެގަނޑަކާއެވެ. އެ ތަން ހުރީ، މީހުން އާބާދުވެފައި އޮތް ސަރަހައްދުގެ އެއް ކޮޅުގައެވެ. އެ ތަނުގެ ބިތްދޮށަށް އޮތީ ޖަންގައްޔެކެވެ. ކުދި ގަސްގަހާއި ބިޔަ ގަސްތަކުން ފުރިފައިވާ ބޯ ޖަންގައްޔެކެވެ.
ފުލުސް އޮފީހާ ޖެހިގެން ކަހަލަ ގޮތަކަށް، ބާ އެހެން ގެގަނޑެއް ހުއްޓެވެ. އެ ގޭގެ ބޭރުގައި ވަރަށް ބޮޑު ފެންޑާއެއް އޮތެވެ. ފުލުހުން އެ މީހުންނާ ހަވާލުވުމަށްފަހު، ބޭތިއްބީ އެ ފެންޑާގައެވެ. ހީކަރުވައިގެންފައި ތިބިލެއް ބޮޑުކަމުން، ކޮންމެ މީހަކުވެސް ފާޑަކަށް ތުރުތުރު އަޅައެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ގެނައީ އަލިފާނެވެ. ގަސްލަކުޑި އަންދައިގެން އުފައްދާފައި ހުރި އަލިފާނެވެ.
އަލިފާނުގެ ހޫނުކަން އިހުސާސްވާން ފެށުމުން، ކޮންމެވެސް ވަރެއްގެ ލުއިކަމެއް އެންމެންގެ ހަށިގަނޑަށް ވެސް ލިބިއްޖެއެވެ. ވެފައިވާ ބަނޑުހައިކަމަށް ބަދަލެއް ނައިކަމުގައި ވިޔަސް، ތަންދޮރު ވަކިވާވަރު ވެއްޖެއެވެ. ރަށުގެ އެތައް ބަޔަކު، އެތަނަށް އެއްވެ، ކުޅިބަލާން ތިބިކަން ވެސް އެނގިއްޖެއެވެ.
އެ ގޮތުގައި މާ ގިނައިރު ތިބޭކަށް އެ މީހުންނަކަށް ނުޖެހުނެވެ. އިރުކޮޅަކުން ހޫނުފެނާއި ގޫޑުހަކުރު ހިފައިގެން ފުލުހުންގެ މީހަކު އަތުވެއްޖެއެވެ. އެއާއެކު އެންމެން އަވަސްވެގަތީ، އެއިން ސައި ހަދާށެވެ. ސައިތަށި ބޮއި ހަމަޖެހިލުމާ އެކު، އިރުކޮޅަކުން ކާން ގެނެސްދީފިއެވެ. ކޮންމެ މީހަކަށް ފެންބަތް ގުޅައަކާއި ލޮނުކޮޅެކެވެ. ބާވަތެއްގެ ފަތް ބޮނޑިއެއް ވެސް އޮތެވެ.
ބަނޑުހައިވެ ހާންތިވެފައި ތިބި ބަޔަކަށް، މި ވަރުގެ ކެއުމެއް ވެސް، މީރު ބިރިޔާނީ ގަނޑަކަށްވުރެ ދެރައެއް ނުވާނެތާއެވެ. ލޮނުކޮޅު އަޅައިގެން، އެ ބަތްގުޅަ ހުސްވާންދެން ކޮންމެ މީހަކު ވެސް ކެއެވެ. ކައިނިމި ހަމަޖެހިލުމުން، އެންމެން ވެސް ބޭނުންވީ، ވީ އެންމެ އަވަހަކަށް އޮޑިއަށް ދިއުމަށެވެ. އޮޑީގައި ބޭތިއްބި، އެޅެފުތާގެ މުހައްމަދާއި މާބޭގެ ފުޅުގެ ހާލެއް ވެސް ނޭނގެއެވެ. އަނެއްކޮޅުން ޖަޕާނުގެ ވެރިކަން ހިނގަމުން އަންނަ ރަށެއްގައި މި ގޮތަށް މަޑުކޮށްގެން ތިބުމަކީ، ރައްކާތެރިކަމެއް ވެސް ނޫނެވެ.
ފުލުހަކު އަތުވެއްޖެ ނަމަ، އޮޑިއަށް ދާން ބޭނުންވާ ވާހަކަ ބުނަން އަހުމަދުދީދީ އިނީ ނިންމައިގެންނެވެ. އެހެން އިންދާ ދެތިން ފުލުހަކު އެ ތަނަށް އަތުވެއްޖެއެވެ. އެއްޗެއް ބުނެވޭވަރު ނުވެގެން އުޅެނިކޮށް، ކުއްލިއަކަށް ފެނުނީ، އެ ތަނަށް އެއްވެފައި ތިބި އާންމުންގެ މީހުންތައް ކެވިއަރައިގަތް ތަނެވެ. އިސާހިތަކު އެ މީހަކަށް ޖެހުނު ދިމާއަކަށް އެމީހަކު ދުވެ ރައްކާވެއްޖެއެވެ.
“ކިހިނެއްވީ؟ ކީއްވެ އެންމެން އެ…..”
ހައްވާދިޔެއަށް ޖުމުލަ ފުރިހަމަކުރާނެ ފުރުޞަތެއް ނުލިބުނެވެ. ކުއްލިއަކަށް ފެނުނީ ސިފައިންގެ ލަޝްކަރެއް އައިސް އެ ތަނަށް ވަދެގަތް ތަނެވެ. ސަތޭކަވަރަކަށް ސިފައިންގެ ފައުޖެކެވެ. އެއީ ޖަޕާނު ސިފައިން ކަމާމެދަކު ޝައްކެއްނެތެވެ. މި މީހުން ފެނުމާ އެކު، އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. ކޮންމެ މީހެއްގެ ވެސް ހިތް ތެޅިގަތީ، މޭ އިރާލާފައި ނިކުންނަހައި ބާރަށެވެ. އެ މީހުން އައިސް ވަދެގަތީ، ކޮންދިމާއަކުން ކިހިނެއްކަމެއް ވެސް ނޭނގެއެވެ. ފެނުނީ އައިސް ވަދެގަތްތަނެވެ. ލަފާކުރެވެނީ ފުލުސް އޮފީހުގެ ބިތްދޮށުގައި އޮތް ޖަންގަލީގެ ތެރެއިން ނިކުމެގެން އައީކަމަށެވެ.
ސިފައިންގެ ބިޔަ ލަޝްކަރު އައިސް އެ ތަނަށް ވަދެގަތުމުން، ލިބުނު ވަރުގަދަ ސިހުމާ އެކު، އެންމެންނަށް ވެސް ތިބެވުނީ، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އާދަނާއަށް ލިބިފައިވާ ހާސްކަމަކާއި ނުތަނަވަސްކަން ވަކީން ބޮޑުވިއެވެ. އޭނާގެ ލޯބިވާ އަނބިމިހާއަށް ވެދާނެގޮތަކާމެދު ބިރު ހީވަނީއެވެ. މި ތަނުގައި އިން ހަމަ އެކަނި އަންހެނަކީ ހައްވާދިޔެއެވެ. ސިފައިންގެ ފައުޖުގައި ތިބީ ހައްތާވެސް ފިރިހެނުންނެވެ. އަންހެނެއްގެ ހީލުމެއް، ބީހުމެއް، ނުލިބޭތާ އެތައް ދުވަހެއް ވެފައި ތިބި ބަޔެކެވެ. އެ ފަދަ ބަޔެއްގެ އަތްމައްޗަށް، ހައްވާދިޔެ ކަހަލަ ޒުވާން ރީތި ކުއްޖަކު އެރުމުން، ކޮންމެ ފަދަ ގޮތެއް ވެސް ހަދައިފާނެއެވެ. ސަލާމަތް ކޮށްދެވޭނެ މީހަކު ނާންނާނެއެވެ. ކުޑަމިނުން ތިހެން ނަހަދާށޭ ބުނާނެ މީހަކު ވެސް ނުވާނެއެވެ.
އާދަނާގެ ހިތުގައި ބިރުވެރި ރަނގަބީލުތަކެއް އެއް ފަހަރާ ޖެހޭން ފަށައިފިއެވެ. އޭނާގެ މޭ ތެޅެނީ ވަރަށް ބާރަށެވެ. މި ތެޅުން އިތުރަށް ގަދަވާން ފެށީ، އެ ލަޝްކަރުގައި ހިމެނޭ ބައެއް މީހުން، ހައްވާދިޔެއާ ދިމާއަށް ބަލާންފެށި ގޮތުންނެވެ. ވަހުޝީ ނަޒަރަކުން ނޫން ގޮތަކަށް އެކަކު ވެސް ބަލައެއް ނުލައެވެ. ބައެއް ކަޅިތަކުގެ ވަހުޝީކަން އަދި ވަކިން ބޮޑެވެ.
ސިފައިންގެ ތެރެއިން ބައެއް މީހުން ގޮސް ވަނީ ފުލުސް އޮފީހަށެވެ. އަނެއްބައި މީހުން އެހެން ދިމަދިމާއަށް ކެހެމުން ގޮސް، އެ ތަން އަމާން ވެއްޖެއެވެ. މިހާރު އެ ތަނުގައި ދިވެހިންގެ ނުވަ މީހުން ފިޔަވައި، އިތުރު މީހަކު ފެންނާކަށް ނެތެވެ. ލިބުނު ފުރުޞަތުގައި ކޮންމެވެސް އެއްޗެއް ބުނާން އަހުމަދުދީދީ ގަސްދުކޮށް، އެ މީހުންނާ ދިމާއަށް ގޮނޑި އަނބުރައިލިއެވެ.
“އެ އައީ ޖަޕާނު ސިފައިން. ފަހަރެއްގައި ކޮންމެވެސް ކަހަލަ ނުރައްކަލެއް ވެސް ކުރިމަތިވެދާނެ! ހުރިހައި މީހުން ވެސް ހެޔޮ ދުޢާކުރޭ! ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް……”
އަހުމަދުދީދީއަށް ޖުމުލަ ފުރިހަމަކުރެވޭ ވަރެއް ނުވިއެވެ. ފުލުސް އޮފީހުން ފުލުހަކު ނިކުމެއްޖެއެވެ. ހިނގައިގަތީ އެ މީހުންނާ ދިމާއަށެވެ. އަހުމަދުދީދީ އަވަސް އަވަހަށް ވާހަކަ ހުއްޓާލާފައި، ގޮނޑި އަނބުރައިލައި ހަމަހިމޭންވެއްޖެއެވެ.
ފުލުސްމީހާ އެ އައި ގޮތަށް އައިސް، އެންމެންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު، އަތުގެ އިޝާރާތުން އަހުމަދު ދީދީއަށް އެންގީ އޭނާގެ ފަހަތުން އައުމަށެވެ. ހިތް ނޭދުނަސް، ކިތަންމެ ބިރެއް ގަތަސް، ލޮލުން ބޮލުން ކިޔަމަންވުން ނޫން ގޮތެއް ނެތެވެ. އެހެންކަމުން ފުލުސްމީހާގެ ފަހަތުން ކިޔަމަންތެރިކަމާ އެކު އޭނާ ހިނގައިގެންފިއެވެ. ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. އެހެން މީހުންނަށް ތިބެވުނީ އެއަށްވުރެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަހުމަދުދީދީގެ ކޮންމެ ފިޔަވަޅަކަށް ވަކިވަކިން ބަލާށެވެ. އޭނާ އަޅާ ކޮންމެ ފިޔަވަޅަކާ އެކު، އެ މީހުންގެ ހިތުގެ ބިރުވެރިކަން ބޮޑުވަމުންދެއެވެ.
އަހުމަދުދީދީގެ އުމުރުން މާ ގިނަ ދުވަސްތަކެއް ނުވިޔަސް، އެ މީހުންގެ ވެރިއަކަށް މިއަދު ހުރި މީހަކީ އޭނާއެވެ. އޭނާއަށް ދެރަގޮތެއް ވެއްޖެ ނަމަ، އެއީ މި ހާލަތުގައި ލިބޭނެ އެންމެ ބޮޑު ހިތާމައެކެވެ. ނިކަމެތި ކަމެކެވެ. އެހެންކަމުން އޭނާއަށް ދެރަގޮތެއް ނުވުމަށް އެދި އެންމެން ތިބީ ދުޢާކޮށްކޮށެވެ.
އަހުމަދުދީދީ ގެންގޮސް ވެއްދީ ފުލުސް އޮފީހުގައި ހުރި ކުޑަވަރެއްގެ ކޮޓަރިއަކަށެވެ. ކޮޓަރީގައި ހުރި ދިގު މޭޒުގެ ދެ ފަރާތުން، ކޮންމެ ފަރާތެއްގައި ދެ މީހުން، އެއް ކޮޅުގައި މީހަކު އިނެވެ. މުޅިއެކު ފަސްމީހުންނެވެ. ހައްތާވެސް ޖަޕާނު ސިފައިންނެވެ.
އަހުމަދުދީދީ ވަނުމާ އެކު އެއިން ކޮންމެ މީހަކު ވެސް، އޭނާގެ މޫނުން ފެށިގެން ފައިތިލައާ ހަމައަށް ނަޒަރު ހިންގައިލިއެވެ. އެ ނަޒަރުން ނުރުހުމަށްވުރެ ބޮޑަށް ފެންނަނީ ރުޅިވެރިކަމެވެ. އެއިން ކަމަކަށް މާބޮޑު ސަމާލުކަމެއް ނުދީ، އެހެނަސް ޖެހިލުންވެ ހުރެ، ތެޅިތެޅި އޮތް ހިތަކާއެކު ގޮސް، މޭޒުގެ އަނެއް ކޮޅުގައި އަހުމަދުދީދީ ހުއްޓިއްޖެއެވެ. އަދަބުވެރިކަމާ އެކުގައެވެ.
އެ މީހުން ކަޅިޖަހާނުލައި، އަހުމަދުދީދީއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެއެވެ. އަހުމަދުދީދީއަށް ހުރެވުނީ ބޮޑު ކުށްވެރިއަކު ފަދައިން، އިސްދަށަށް ޖަހައިގެންނެވެ. ބިރުން އިސްއުފުލައިލާން ނުކެރިފައެވެ. ސިފައިންގެ ފަސް މީހުން އިރުކޮޅަކު އަހުމަދުދީދީއާ ދިމާއަށް ބަލާން ތިބެފައި، އެކަކު އަނެއްކެއްގެ މޫނަށް ބަލައިލިއެވެ. މޭޒުގެ ކޮޅުގައި އިން މީހާ، އެ ތަނުން އެހެން މީހަކަށް، ނިތުން އިޝާރާތް ކޮށްލިއެވެ. އެއާއެކު އެ މީހާ ފުންމައިގެން ތެދުވެއްޖެއެވެ. މޭޒުމަތީގައި އޮތް ތިން ފޫޓެއްހައި ދިގު އެއްތެޔޮގަނޑު ނަގައި، އަތަށް ހެޔޮވަރުކޮށްލަމުން، އަހުމަދުދީދީ ގާތަށް ޖެހިލިއެވެ.
އެ މީހަކު ފުރަތަމަ ވެސް ކުރީ ސުވާލެކެވެ. ޖަޕާނު ބަހުންނެވެ. ބުނި އެއްޗެއް ނޭނގުނު ނަމަވެސް. އަޑުގައި އިންތިހާ ދަރަޖައަށް ހަރުކަށިކަން ހުރިކަން އެނގުނެވެ. ކުރި ސުވާލު ނޭނގޭތީ، އެއަށް ދޭނެ ޖަވާބެއް އަހުމަދުދީދީއަކަށް ނޭނގުނެވެ. އިސް އުފުލައި އޭނާގެ މޫނަށް ބަލައިލުމަށްފަހު، އަނެއްކާވެސް އިސްދަށަށް ޖަހައިލެވުނީއެވެ. މި ހަރަކާތާ އެކު، އެ މީހާ، ކުރީ ފަހަރަށްވުރެ ބާރަށް، ހަމަ އެ ސުވާލު ތަކުރާރުކޮށްފިއެވެ. އަހުމަދުދީދީއަށް ހަނު ހުރުން ފިޔަވައި، ކުރެވުނު ކަމެއް ނެތެވެ. ޖަވާބު ދޭން ކިތަންމެ ބޭނުން ވިޔަސް، ކިޔާ އެއްޗެއް ނޭނގެންޏާ، ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟
އަތުގައި އޮތް އެއްތެޔޮގަނޑުން މޭޒުމަތީގައި ބާރަށް ޖަހާފައި، ކުރިއަށްވުރެ ވެސް ހަރުކޮށް ސުވާލު ތަކުރާރުކޮށްފިއެވެ. އޭނާ ރަތަށް އަރާފައި ހުރިވަރުން، ގަޔަށް އަރައިގެންފާނޭހެން ހީވާން ފަށައިފިއެވެ. ކިތަންމެ ރުޅިއަޔަސް ކުރެވޭނެކަމެއް ނެތެވެ. އެ ކުރާ ސުވާލަށް ދެވޭނެ ޖަވާބެއް އަހުމަދުދީދީގެ ކިބަޔަކު ނެތެވެ. އިސްދަށަށް ޖަހައިގެން ހުރުން ފިޔަވައި، ހަމަ އެއްކަމެއް ވެސް ނުކުރެވުނެވެ.
ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެއްތެޔޮގަނޑު ހިފައިގެން ހުރި މީހާ، ދުރަށް ޖެހިލައިފިއެވެ. އިރުކޮޅަކުން އެހެން މީހަކު ތެދުވެއްޖެއެވެ. ހަރު ހިނގުމެއްގައި އެޅި ތިންހަތަރު ފިޔަވަޅަކާ އެކު އައިސް، އަހުމަދުދީދީގެ ކަނާތްފަރާތުގައި މަޑުކޮށްލައިފިއެވެ. އަނެއް މީހާ ކުރި ސުވާލުހެން ހީވާ ކަހަލަ ސުވާލެއް ކޮށްފިއެވެ. މި ފަހަރު ވެސް އަހުމަދުދީދީއަށް އެއްޗެއް ނުބުނެވުނެވެ. އެ މީހާ ހުރީ ވަރަށް ރުޅިއައިސްފައިކަން އެނގެއެވެ.
ކުއްލިއަކަށް އެ މީހާ ކަރުބުޑުން ހަޅޭއްލަވައިގަންނަމުން، އަހުމަދުދީދީގެ ބޮލުގެ އިސްތަށިގަނޑުގައި، އެއް އަތުން ހިފައިފިއެވެ. އެއާއެކު އަނެއް އަތުން، ކަންކަށިމަތީގައި ވަރުގަދަ އެތިފަހަރެއް އަޅައިފިއެވެ. ނަގައިގަތް ތޫނު ދިލައާ އެކު، މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. އަހުމަދުދީދީއަށް ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް މޫނުގައި ދެ އަތް އެޅުނެވެ. އެ ވަގުތު އެއްތެޔޮގަނޑު ހިފައިގެން ހުރި މީހާ، ފުންމައިގެން އައިސް، އަހުމަދުދީދީގެ ދެ އަތުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް ފުރަގަހަށް ގެންގޮސް، ބާރަށް ހިފަހައްޓައިފިއެވެ. ކޮނޑު ހުޅަށް ތަދު ވެސް ވިއެވެ.
އަނެއްކާވެސް ހަމަ އެ ސުވާލެވެ. އެ އަހަނީ ކީކޭ ބާވައެވެ؟ އެއް ސުވާލެއް އެހައި ގިނަ ފަހަރު ތަކުރާރުކުރާނީ މުހިންމު ސުވާލަކަށް ވާތީއެވެ. އެހެންނަމަވެސް މި ފަހަރު ވެސް، ހުންނާން ޖެހުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިތަންމެ ރުޅި އަޔަސް، ކިތަންމެ އަނިޔާއެއް ކުރިޔަސް، މި ނޫން ގޮތެއް ނޯންނާނެއެވެ.
އަހުމަދުދީދީ އަނގައިން ނުބުނެ ހުންނާން ފެށުމުން، އެ މީހާ ރުޅިއައިސްގެން ގޮސް، ކުޅަނދުރަކަށް ވެއްޖެއެވެ. ގޮށްމުށްކަވާފައި، ބަނޑުކޮޅުގައި ވަރަށް ބާރަށް އަޅައި ވިހެލައިފިއެވެ. ވީތަދެއްގެ ބޮޑުކަމުން، އަހުމަދުދީދީގެ ހަށިގަނޑު ކުރުގެޅިގެން ދިޔައެވެ. ނޭވާ ވެސް ނުލެވުނެވެ. އެ ވަގުތު އެހެން މީހަކު އައިސް، އަނެއް މީހާ އަތުގައި އޮތް އެއްތެޔޮގަނޑު އަތުލާފައި، އަހުމަދުދީދީގެ ފައިގެ ފަލަމަސްގަނޑުގައި ވަރުހުރި ބޮނޑިއެއް އަޅައިފިއެވެ. ވީތަދާއި ނެގި ދިލަ ބުނެދޭން ވެސް ނޭނގުނެވެ. އެހެންނަމަވެސް އެއިން މީހެއްގެ ހިތުގައި ރަހުމުގެ ކުނޑިފުކެއް ވެސް ހުރި ހެނެއް ހިޔެއް ނުވެއެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފައިގެން ގެންގޮސް، ޖެހިގެން ހުރި ކޮޓަރި ތެރެއަށް ގުޅައަކަށް ޖަހައިފިއެވެ.
ދިވެހީންގެ އަށް މީހުން ހާސްކަމެއްގެ ތެރޭގައި ދުޢާކޮށްލަކޮށްލައި ތިބޭތާ ދިހަވަރަކަށް މިނެޓު ފަހުން، ކުރިން ވެސް އައި ފުލުސްމީހާ، ފުލުސް އޮފީހުން ނިކުމެގެން އެ މީހުންނާ ދިމާއަށް އަންނަތަން ފެނިއްޖެއެވެ. އަނެއްކާ ވެސް އެހެން މީހަކު ބަލައި އަންނަނީކަން ކަށަވަރެވެ. އެ މީހުންނަށް ތިބެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަހުމަދުދީދީ ކޮބައިބާވައެވެ؟ އޭނާއަށް ހެދީ ކިހިނެއް ބާވައެވެ؟ ފަހަރަކު މީހަކު ގެންގޮސް މަރާލަނީ ބާވައެވެ؟ މި ފަދަ ބިރުވެރި ސުވާލުތައް އެ މީހުންގެ ސިކުނޑިތަކަށް ހަމަލަދެމުން ދަނިކޮށް، އެ މީހާ އައިސް މި ފަހަރު އެ އިޝާރާތްކޮށްލީ، ފަސްދޮޅަށް ފަސް އަހަރުގެ އަލިބެއްޔާ އަށެވެ.
ބިރުން ވިރިވިރިހުރެ އަލިބެއްޔާ ހިނގައިގެންފިއެވެ. އުމުރާ އެއް ފަދަ ބަލިކަށި ހިނގުމެކެވެ. ކަނޑުމަތީގައި އެގޮތް މިގޮތަށް ގަނަތެޅޭން ޖެހުމުން، ވަކީން ބޮޑަށް ބަލިހެން މިހާރު ހީވެއެވެ. އެހެންނަމަވެސް، އެ ތަނުގައި ތިބި ރަޙުމުކުޑަ ސިފައިންގެ ހިތުގައި އެ މުސްކުޅިޔާގެ މައްޗަކަށް ވެސް ރަޙުމެއް ނެތެވެ. އަހުމަދުދީދީއާ ކުރި ސުވާލު އޭނާއާ ވެސް ކުރިމަތި ކޮށްފިއެވެ. ހަރުކަށި ރުޅިވެރި ރާގަކަށެވެ. އަލިބެއްޔާއަކަށް ވެސް ޖަވާބެއް ނުދެވުނެވެ. ތަކުރާރުކޮށް ތިން ފަހަރު އެ ސުވާލުކޮށްފިއެވެ. ދެން އައީ ހަމަލާއެވެ. ކަންކަށިމަތީގައި ވީއްލާލައިފިއެވެ. ބޮނބިފަޅިމަތީގައި ގުއްޓެއް އަޅައިފިއެވެ. އަރިކައްޓަށް އެރީ، އެއްތެޔޮގަނޑުގައި ހުރި ހޫނު އެތިފަހަރެކެވެ. މިއިން ކޮންމެ ހަމަލާއަކާ އެކު، އަލިބެއްޔާއަށް ރޮއިގަނެވެއެވެ. ހަންދޫވެ ގައިބާރުދެރަވެފައިވާ މުސްކުޅި ހަށިގަނޑުން ވަރު ހުސްވެއެވެ. ހިތްހަމަޖެހޭވަރަށް އަނިޔާކޮށްފައި ގެންގޮސް، އަހުމަދުދީދީ ވެސް ވެއްދި ކޮޓަރިއަށް ވައްދައި، ގުޅައަކަށް ޖަހައިފިއެވެ.
ތިން ވަނައަށް ގެނައީ އަލިފުތާއެވެ. ސައްބީސް އަހަރުގެ ޒުވާނެކެވެ. ގެންގޮސް ސިފައިންގެ ކުރިމަތީގައި ބަހައްޓާފައި، އެއްކަލަ ވަރުގަދަ ސުވާލު އަމާޒުކޮށްފިއެވެ. ޖަވާބެއް ނުދެވުނެވެ. ތަކުރާރުވަމުން އައެވެ. ރުޅިވެރިކަން އިންތިހާއަށް އެރިއެވެ. ދެން އަނިޔާއެވެ. ހިތުހުރިވަރެއް ކޮށްލުމަށްފަހު، ހަމަ އެ ކޮޓަރިއަށެވެ.
ފުލުސް އޮފީހުން ފުލުސްމީހާ އަނެއްކާވެސް ނުކުމެއްޖެއެވެ. އޭނާ ފެނުމާ އެކު، ބާކީ ތިބި ހަ މީހުންގެ މޭގެ ތެޅުން ބާރުވިއެވެ. މިހާރު އެ މީހުންނަށް އޭނާ ސިފަވަނީ، ވަރަށް ބިރުވެރި ގޮތަކަށެވެ. ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލަކަލްމައުތު ނޫންނަމަވެސް، އެ ފަދަ ބިރެއް ހިތަށް ވެރިވެއެވެ. އޭނާގެ ކޮންމެ ފިޔަވަޅަކަށް ހިތުގެ ތެޅުން އަވަސްވަމުން ބާރުވަމުން އާދެއެވެ. މި ފަހަރު ގޮވައިލާނީ ކާކަށް ބާވައެވެ؟ ކޮންމެ މީހަކަށް ވެސް ހީވަނީ، މިއީ މަގޭ ފަހަރު ހެންނެވެ. އެހެންކަމުން ތިބެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
އެ މީހާ އައިސް ފަހަރަކު މީހެއްގެ މޫނަށް ވަކިވަކީން ނަޒަރު ހިންގާން ފެށިއެވެ. ފުރަތަމަ ރެކިފުތާގެ މޫނަށެވެ. އެއަށްފަހު ދޮންކަލޯބެއްޔާގެ އާދަނާގެ މޫނަށެވެ. ހައްވާދިޔެގެ މޫނަށެވެ. އާދަނާގެ މޫނަށެވެ. ފިޔޯރީ އާދަނާގެ މޫނަށެވެ. އާދަންފުތާގެ މޫނަށެވެ. އަނެއްކާވެސް ހައްވާދިޔެއަށް ބަލައިލައިފިއެވެ. ސިހިސިހި އިންދާ މި ފަހަރު އިޝާރާތްކުރީ، ހައްވާދިޔެއަށެވެ. ލިބު ކުއްލި ސިހުމާ އެކު، އާދަނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އޭނާގެ ހަތަރެސްފަޔާ އެކު މުޅި ހަށިގަނޑު ރޫރޫ އަޅައެވެ.
އާދަނާގެ ފަހަތުން ހައްވާދިޔެއަށް ވެސް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ދެ އަތުން ބާރަށް އާދަނާގެ ކަނާތުގައި ހިފެހެއްޓުނެވެ. އެ ދެ އަތް ފިނިކަމުން ހީވަނީ ގަނޑުފެންގަނޑެއްހެއްނެވެ. އާދަނާގެ އަތުގައި ހުރި ތުރުތުރެއް ހައްވާދިޔެއަކަށް އިހުސާސެއް ނުކުރެވެއެވެ.
“އާދަނާ! އަހަރެން……… އަހަރެން……. ނުދާނަން! ވަރަށް….. ބިރުގަނޭ!”
ހައްވާދިޔެގެ އަޑު ތުރުތުރުއަޅާން ފެށިއެވެ. ދެ ލޮލަށް ޖަމާވަމުން އައި ކަރުނަތިކިތައް، އެ ދެ ލޯ ދޫކޮށް ތިރިއަށް ފައިބާން ފަށައިފިއެވެ. ހައްވާދިޔެ ގެންގޮސް ކުރާ އަނިޔާ ދެކޭން ބޭނުން ނުވެގެން، އެ ކަރުނަ ތިކިތައް ފިލަން މަސައްކަތްކުރާން ފެށި ކަހަލައެވެ.
ހައްވާދިޔެ ބިރުގެންފައި ހުރި މިންވަރު އާދަނާއަށް އިހުސާސް ކުރެވުނެވެ. ހާސްވެ ކަންބޮޑުވެފައި ހުރި މިންވަރު ވަޒަންކުރެވުނެވެ. އާދަނާގެ ނަޒަރު ފުލުސްމީހާއާ ދިމާއަށް ހުއްޓިފައި ހުރި ނަމަވެސް، ސިކުނޑި މަސައްކަތްކުރަނީ ހައްވާދިޔެގެ ސަލާމަތަށް އަޅާނޭ ފިޔަވަޅެއް ހޯދުމުގައެވެ. ސިކުނޑި ވަރުބަލިވި އިރު ވެސް، އެ ފަދަ ކަމެއް ޚިޔާލަކަށް ނައެވެ. އެންމެ ފަހުން އޭނާއަށް ހައްވާދިޔެގެ އަތުގައި ހިފެހެއްޓުނެވެ. ގޮތް ހުސްވެފައި ހުރި މީހަކު ފަދައިންނެވެ. ލޮލުގެ ކޮޔަށްވުރެ ބޮޑަށް ލޯބިވާ އަނބިމީހާ، ގޮތް ނޭނގޭ ބަޔެއްގެ އަތް މައްޗަށް، ހިތުން ރުހުމުން ދޫކޮށްލާން ކެރޭނީ ކިހިނެއް ހެއްޔެވެ؟
ދެ ވަނަ ފަހަރަށް ފުލުސްމީހާ ހައްވާދިޔެއަށް އިޝާރާތް ކޮށްފިއެވެ. ހައްވާދިޔެއަށް، އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. އެ ހަރު ތަޅުންގަނޑުގައި ދެ ފައި ތަތްވެފައި ހުރި ކަހަލައެވެ. ފުލުސްމީހާގެ މޫނުމަތީން، ރުޅިވެރިކަމުގެ ހުތުރު ސިފަ ފާޅުވާން ފަށައިފިއެވެ. ދެ ލޯ ބޮޑުވެ، ދެ ބުމަ ގޮށްޖެހި، މޫނުމަތި ރަތްވެއްޖެއެވެ. ފާޑަކަށް ހައްވާދިޔެއާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި، ކުރިއަށް އެޅި ދެތިން ފިޔަވަޅަކާއެކު، ހައްވާދިޔެގެ އަތުގައި ހިފައިފިއެވެ. ހަމަ އެ ސިކުންތުގައި އާދަނާގެ އަތުން ހައްވާދިޔެ ޖަހައިގެންފިއެވެ.
“އާދަނާ! އަހަރެން ސަލާމަތްކުރޭ!” ހައްވާދިޔެއަށް ރޮއިގަނެވުނެވެ.
ހައްވާދިޔެގެ އާދޭހުގެ އަޑު އިވިފައި އާދަނާއަށް ފަހަތުން ދުއްވައިގަނެވުނެވެ. އެހެންނަމަވެސް، ފުލުސްމީހާ އޭނާގެ އަތުގައި އޮތް ދަނޑިބުރީގެ ހޫނުކަން ދައްކާލުމުން، އާދަނާއަށް ޖެހުނީ ހުއްޓޭށެވެ. އެއަށްފަހު ހައްވާދިޔެ ގޮވައިގެން އޭނާ ހިނގައިގެންފިއެވެ. އެ ފަކީރު ރޮއި އާދޭސްކޮށްކޮށް ހުއްޓައެވެ. ނުދާން ގަދަހަދަހަދައި ހުއްޓައެވެ. އެ މަންޒަރު ފެނިފައި އާދަނާގެ ހިތް ކަތިލެވުނެވެ. މީހަކު އައިސް އޭނާގެ ލޯބިވާ އަނބިމީހާ ފޭރިގަތްކަމުގެ ހިތި އިހުސާސް ކުރެވޭނެ ފެށުމާ އެކު، ވަރަށް ކެތްކޮށްގެން ހުއްޓާ ވެސް ރޮވިއްޖެއެވެ. ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފުނެވެ. އެއާއެކު އެ ހުރިތަނަށް ތިރިވެއްޖެއެވެ.
ސިފައިން ތިބި “ހޫނު” ކޮޓަރިއަށް ހައްވާދިޔެ ވައްދައިފިއެވެ. އެހެންމީހުންނާ މުޚާތަބު ކުރިގޮތާ، ހައްވާދިޔެއާ މުޚާތަބު ކުރާން ފެށިގޮތް ތަފާތެވެ. ތަންކޮޅެއް އޯގާވެރިހެން ހީވެއެވެ. އެހެންނަމަވެސް ހައްވާދިޔެއަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. ބިރުން މުޅި ހަށިގަނޑު ރޫރޫ އަޅަނީއެވެ. އެ މީހުން ކުރާ އެއް ވެސް ސުވާލަކަށް އޭނާއަކަށް ސަމާލުކަމެއް ނުދެވެއެވެ. އެންމެފަހުން ސިފައިންގެ މޫނުމަތީން ފެންނާން ހުރި އޯގާވެރިކަން ފިލައި، ރުޅިވެރިކަމުގެ ނާމާން ސިފަ ފާޅުވެއްޖެއެވެ. ނަތީޖާއަކަށްވީ، އެމީހުންގެ އަތުގެ ހޫނު ހަމަލާއެއް ހައްވާދިޔެގެ ނާޒުކު ބަލިކަށި ހަށިގަނޑަށް ފުރަތަމަ ފަހަރަށް އެރުމެވެ.
އެރި ހޫނު ހަމަލާއާ އެކު، ހައްވާދިޔެއަށް މާ ބާރަށް ރޮއިގަނެވުނެވެ. ވީ ތަދެއްގެ ބޮޑުކަމުންނެވެ. ގަތް ބިރެއްގެ ބޮޑުކަމުންނެވެ. ތި ކިޔާ އެއްޗެއް ނޭނގެއޭ ބުނެ، އަނިޔާ ނުކުރާން އެދި އާދޭސްކުރާން ފެށިއެވެ. އެހެންނަމަވެސް އެއިން މީހެއްގެ ދަނގަޑު ހިތަށް ކުރި އަސަރެއް ނެތެވެ. އަނެއްކާވެސް އެ ކުރާ ސުވާލެއް ތަކުރާރުކުރާން ފަށައިފިއެވެ. ކަރުބުޑުން ހަޅޭއްލަވައިގަންނަ ކޮންމެ ފަހަރަކު، ހައްވާދިޔެ ދަނީ ސިއްސައިގެންނެވެ. ހަމަލާއެއް އަތުވެދާނޭކަމުގެ ބިރަށް ޓަކައި ހުރެވެނީ ސިހިސިހިއެވެ. އެ ފަދަ ހާލެއްގައި ބަހައްޓައިގެން، ނުދަންނަ ބަހަކުން ކުރާ ސުވާލު ތަކުރާރުކޮށްކޮށްފައި، ކަންކަށިމައްޗަށާއި ބުރަކަށިމައްޗަށް ވަރުހުރި ގުއްޓެއް އަރުވާލުމަށްފަހު، ފިރިހެން ވެރިން ވެއްދި ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ހައްވާދިޔެ ވައްދައި ދޮރުލައްޕައިފިއެވެ.
މި ގޮތަށް ފަހަރަކު މީހަކު ގެންގޮސް، އެ މީހުންގެ ބަހުން އެ ކުރާ ސުވާލެއްކޮށް، ޖަވާބު ނުލިބުމުން، ހިތުހުރިވަރަކަށް އަނިޔާ ކުރުމަށްފަހު، އެ އެންމެން ފުލުހުންނާ ހަވާލުކޮށްފައި، ޖަޕާނު ސިފައިން އެ ތަނުން ނިކުމެއްޖެއެވެ. އެއަށްފަހު ސަފަކަށް އެތުރިލައިގެން ހިނގައިގަތީ، ޖަންގައްޔާ ދިމާއަށެވެ. ޖަންގަލީގައި އޮތް ހަނިހަނި މަގަކުން ގޮސް އޮބާލައިފިއެވެ. އޭރު އެ ދުވަހުގެ އަސުރުން އިރު ތިރިވެއްޖެއެވެ.
އަނިޔާ ލިބިފައިވާ ދިވެހީންނާ ފުލުހުން ހަވާލުކުރުމުން، ހައްޔަރުކޮށްފައި ތިބި ތަންތަނުން ނެރެ، ކުރިން ވެސް ތިބި ފެންޑާއަށް އެންމެން ވައްދައިފިއެވެ. ހައްވާދިޔެ ގެނައި އިރު އާދަނާ އިނީ ފެންޑާގެ އެއް ފަރާތު ފާރުގައި ލެނގިލައިގެން ބަލިކަށި ގޮތަކަށް ނޭވާ ލައިލައެވެ. އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ. އާދަނާ އެ ހާލުގައި އިންދާ ފެނުމާ އެކު، ހައްވާދިޔެއަށް ރޮވިއްޖެއެވެ. ބޭ އިޚުތިޔާރުގައި އާދަނާއާ ދިމާއަށް ދުއްވައިގަނެވުނެވެ. އެ ދިޔަގޮތަށް ގޮސް، އާދަނާގެ ގައިގައި އޮޅުލައިގަނެވުނެވެ. އާދަނާގެ ބުރަކަށީގައި ހައްވާދިޔެގެ އަތް ޖެހުމާ އެކު، ތޫނު ތަދެއް އިހުސާސްކުރެވުނެވެ. ވީ ތަދާ އެކު ދެ ލޯ މަރައި ފިއްތާލެވުނެވެ. އަނގައިން އާހެއްގެ އަޑު ނިކުތެވެ. އާދަނާއަށް އައި ބަދަލު ހައްވާދިޔެއަށް ފާހަގަކުރެވުނެވެ.
“ކިހިނެއްވީ؟” އާދަނާގެ ބުރަކަށްޓަށް ހައްވާދިޔެއަށް ބަލައިލެވުނެވެ. އެއާއެކު އޭނާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. އާދަނާގެ ބުރަކަށްޓަށް ވެފައި ހުރި ވަރުވެފައެވެ. ޖަޕާނު ސިފައިން އާދަނާގެ ބުރަކަށިމައްޗަށް އެއްތެޔޮގަނޑުން ދީފައިވާ ވަރުގަދަ ހަމަލާގެ ނިޝާން، ބުރަކަށީގެ އެއް ފަރާތުން އަނެއް ފަރާތަށް، ރަތް ފިތްގަނޑެއްގެ ސިފައިގައި ނަގާފައި ހުއްޓެވެ. އެ ތަން ހުރީ ދުޅަވެ އަރާފައެވެ. ލޭ ކޮށިފައެވެ.
ރަޙުމެއް އޯގާވެރިކަމެއް ނެތް އެ އަނިޔާގެ ނިޝާން ފެނުމާ އެކު، ހައްވާދިޔެއަށް ރޮވުނެވެ. ހިތަށް ތަދުވިލެއް ބޮޑުކަމުންނެވެ. އާދަނާގެ ފެންކަޅިވެފައިވާ ދެ ލޮލަށް ބަލައިލެވުމާ އެކު އޭނާގެ ބަޑިފަޅައިގެން ދިޔައެވެ. އޭނާއަށް ބޭއިޚުތިޔާރުގައި އާދަނާގެ މޭގައި ބޯ އަޅައިލެވުނެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނައިން އިސާހިތަކު، އާދަނާގެ މޭމަތި ތެމޭން ފެށިއެވެ. މި ހިތްދަތި ހާލަތުގައި އާދަނާއަކަށް ވެސް ހިފަހައްޓައިގެނެއް ނީނދެވުނެވެ. ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ރޮވިއްޖެއެވެ. ހިތުގެ އުދާސްތަކާއި ކެކުޅުން، ލަފުޒުތަކަކުން ބަޔާންކުރެވޭވަރެއް ނޫނެވެ.
އެކި މީސްމީހުންނަށް ކޮށްފައި ހުރި އަނިޔާ ރަނގަޅަށް ފެންނާންފެށީ، ފެންޑާއަށް އެ މީހުން ނެރުނީމައެވެ. އަލިވާ ހިސާބަށް ގެނައިމައެވެ. އެކި މީހުންގެ ހަށިގަނޑުގެ އެކި ދިމަދިމާގައި، އަނިޔާގެ އެކި ކަހަލަ ނިޝާންތައް ފެންނާން ހުއްޓެވެ. ނޫފައިގެންފައި ހުރި ތަންތަނެވެ. ރަތްއަރާފައި ހުރި ތަންތަނެވެ. ލޭކޮށިފައި ހުރި ތަންތަނެވެ. ދުޅަވެއަރާފައި ހުރި ތަންތަނެވެ. އެންމެން ވެސް އުޅުނީ، ގައިގެ އެ ތަން މި ތަނުގައި ރިއްސާތީއެވެ. ވޭން އަޅާތީއެވެ. ރެކިފުތާގެ ލޮލަށް ވެސް ވަނީ ލޭ އަރާފައެވެ. އެކަކަށް ލިބިފައިވާ އަނިޔާ އަނެކަކަށް ފެނުމާ އެކު، ހިތުން ލޭ ކަރުނަ އޮހިގަނެއެވެ.
އިރު އޮއްސިއްޖެއެވެ. ދުނިޔެމަތި އަނދިރިވެއްޖެއެވެ. އޮޑީގައި ބޭތިއްބި މުހައްމަދާއި މާބޭގެ ފުޅުގެ ޚަބަރެއް ނުވެއެވެ. އެ މީހުން ދުނިޔޭގައި ތިބިކަމެއް، ނުވަތަ ނެތްކަމެއް ވެސް ނޭނގެއެވެ. އެހެންކަމުން އަހުމަދުދީދީ ފުލުހުންގެ ކިބައިން އެދުނީ، އެ ދެ މީހުން އެ ތަނަށް ގެނެސް ދިނުމަށެވެ. އިރު އޮއްސި އަނދިރިވާއިރު، އޮޑީގައި ބައިތިއްބައިގެން ތިބެން ހިތަށް ކެތް ނުވާނެތީއެވެ.
އެ ދެ މީހުން އެ ތަނަށް ގެނައީ އެރޭ ނުވައެއް ވެސް ޖެހިފަހުންނެވެ. އެ ހުރިހައި ވަގުތެއް އެ މީހުން ހޭދަކުރީ އޮޑީގައެވެ. ނަޞީބަކުން އެމީހުންނަކަށް އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. އަނިޔާއަކާ ވެސް ކުރިމައްޗެއް ނުވެއެވެ. ﷲގެ ރަޙުމަތްފުޅު ތަނަވަހީއެވެ.
އެންމެން ކައި ނިމުމުން ފުލުހުން އައިސް އެ ތަނުގައި ސާންތި އަޅައިދިނެވެ. ނިދަން ޖެހުނީ އެ ފެންޑާމަތީގައެވެ. ވަރުބަލިވެ، ލޮޑުވެފައި ތިބިލެއް ބޮޑުކަމުން، އެންމެންވެސް އެ ތަނުގައި ޖައްސައިލިއެވެ. ނިދޭތޯއެވެ. ނިދައިލުމުން ހިތަށާއި ހައްޓަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބޭނެތީއެވެ. އެހެންނަމަވެސް އެކަކަށް ވެސް ނިދޭ ގޮތެއް ނުވެއެވެ. ލޮލަށް ނިދި އަޔަސް، ހަށިގަނޑު ކިތަންމެ ވަރުބައްޔަސް، ނިންޖަށް ލޯ މަރުހަބާ ކިޔާގޮތެއް ނުވިއެވެ. މިނިވަންކަން ގެއްލި، އަޅުވެތިކަމުގެ ރަހަ އަރުގައި ހިފަންފެށުމުންނެވެ. ކުރި އަނިޔާގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ވެސް ކުޑައެއް ނޫނެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް ފުރޮޅިފުރޮޅި އޮވެވުނީއެވެ. އެ އަނދިރީގެ ތެރެއިން އިރުއިރުކޮޅުން އިވޭ އަޑަކީ، ކޮންމެވެސް މީހެއްގެ ކުކުރުމުގެ އަޑެވެ. މަޑުމަޑު ރުއިމެއްގެ އަޑެވެ. ގިސްލުމެއްގެ އަޑެވެ. އިރުއެރީ މި ފަދަ ހާލެއްގައި އުޅެއުޅެ ތިއްބައެވެ.
ހެނދުނު ހަތެއް ޖެހިތަނާ ފުލުހުން އައިސް، އެންމެން ދަމާ ނަގައިފިއެވެ. ފުރަތަމަ ގެންދިޔައީ ހެނދުނުގެ ނާސްތާއަށެވެ. ކޮންމެ މީހަކު ވެސް ހިތްވަރުކޮށްފައި އެ ހުރި އެއްޗަކުން ނާސްތާ ކުރިއެވެ. ރަހައަކުން ރަހައެއް ނުލިނަމަވެސް، ބަނޑަށް އެނގުންވާ ވަރަށް ކެއެވެ. ނާސްތާކޮށް ނިންމާލުމުން ފުލުހުންގެ ތިން މީހުން އައިސް، އެ މީހުން ގޮވައިގެން ހިނގައިގެންފިއެވެ. ވާން އުޅޭ ގޮތެއް، ކުރަން އުޅޭ ކަމެއް އަދި ނޭނގެއެވެ. އެނގެނީ ކޮންމެވެސް ތަނަކަށް ގެންދާކަމެވެ.
އެ މީހުން ގޮވައިގެން ފުލުހުން ގޮސް ފޭބީ، އޮޑި އޮތް ދިމާ އަތިރިމައްޗަށެވެ. އެއަށްފަހު، ފުލުހުން، އެ މީހުންނަށް އެންގީ، އޮޑިއަށް އެރުމަށެވެ. އެ މީހުންގެ ފަހަތުން، ތިން ފުލުހުން ވެސް އޮޑިއަށް އަރައިފިއެވެ. އެހައިތަނުން ދަތުރަށް ފެށިއްޖެއެވެ. މި ފަހަރު ވެސް ހުންގާނުގައި ހުރީ އަހުމަދުދީދީއެވެ. އެހެންނަމަވެސް އާރުކާޓީންނަކީ ފުލުހުންގެ ތިން މީހުންނެވެ. ދަތުރުކުރަން ޖެހުނީ އެމީހުން ދެއްކި މިޞްރާބަކަށެވެ.
ދުވަހަކީ ކަނޑުމަޑު ދުވަހެކެވެ. އުޑުމަތި ބަނަކޮށް އޮތެއްކަމަކު ވާރެއެއް ނުވެހެއެވެ. ހެޔޮވަރު ވަރަކަށް ވައިރޯޅި ވަމުން އަންނާތީ، އޮޑި ވަރަށް ހަރު ދުވެލީގައި ދުވަމުން ދެއެވެ.
އޮޑީގައި ތިބި އިރު، އެކަކު އަނެކަކާ ވާހަކަ ދެއްކުމެއް ނެތެވެ. ކޮންމެ މީހަކުވެސް، ޖެހުނު ތަނެއްގައި އިށީނދެ ނުވަތަ އޮށޯވެ ތިބީއެވެ. ބިރުވެރިކަމެއްގެ ތެރޭގައި ރަނގަޅަށް ހައްޔަރުވެފައެވެ. ވާން އުޅޭގޮތެއް ނޭނގިފައެވެ. މި ގެންދަނީ ކޮންތަނަކަށް ބާވައެވެ؟ ހަދާން މި އުޅެނީ ކިހިނެއް ބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް ކަށަވަރުވާ ކަމަކީ މި ހާރު މި ތިބީ ޖަޕާނުންގެ އަތްދަށުގައި ރަނގަޅަށް ހައްޔަރުވެފައި ކަމެވެ.
މި ބިރުވެރި ޚިޔާލު ހިތަށް ވެރިވުމާ އެކު، ކޮންމެ މީހެއްގެ ހިތް ވެސް މާ ބާރަށް ތެޅިގަނެއެވެ. ނަފުސު އިންތިހާއަށް މާޔޫސްކޮށްލައެވެ. ދެ ލޯ ކަރުނުން ތެންމާލައެވެ. އެހެންނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. ގެންދިޔަ ތަނަކަށް ދިޔުން ނޫން ގޮތެއް މިއަދަކު ނެތެވެ. އަމިއްލަ ބާރެއް، އަމިއްލަ އިޚުތިޔާރެއް އަމުދުން ނެތެވެ. އޮޑީގެ ހުންގާނުގައި އަހުމަދުދީދީ ހުއްޓެއް ކަމަކު، ދަތުރުގެ ހުރިހައި ބާރެއް އޮތީ އެހެން ބަޔެއްގެ މުށުގައެވެ. ދުއްވަމުން ދިޔައީ އެ މީހުން ދެއްކި މިސްރާބަކަށެވެ. ކުޑަވެސް ކަސިޔާރުކަމެއް ނެތިއެވެ.
ދަތުރު ދިގުލަމުން ދެއެވެ. ދިހައެއް ޖަހައިފިއެވެ. އެގާރަ ޖަހައި އެގާރަގަޑި ބައި ވެސް ވެއްޖެއެވެ. ދަތުރު ދަނީ ކުރިއަށެވެ. ބާރަޖަހަން ކައިރިވެފައި ވަނިކޮށް، ކުރިމަތިން ބޮޑު ދެ ރަށް ދައްކާލައިފިއެވެ. ފުލުހުން އެnްގީ، އެ ދެ ރަށުގެ މެދުން ކުރިއަށް ދުއްވުމަށެވެ. އަހުމަދުދީދީ އެ ދިމާއަށް އޮޑި ހޭރިޔާކުރިއެވެ. ވަކި ހިސާބަކަށް ދަތުރުކުރެވުނު ތަނާ ކުރިމަތީން ރަށެއް ދައްކާލައިފިއެވެ. ބިޔަ ބޮޑު ރަށެކެވެ. އެ ރަށުގެ ބޮޑުމިން މުޅި އައްޑުއަތޮޅުވަރު ވާނޭ ކަމަށް ލަފާކުރެވެއެވެ. ހަމަ ޔަގީނުންވެސް އެއަށްވުރެ ކުޑައެއް ނުވާނެއެވެ. ފުލުހުން އެންގީ އެ ރަށާ ދިމާއަށް ދުއްވުމަށެވެ. އަސުރުން އިރުތިރިވި އިރު، އެ ރަށުގެ ފަޅަށް އޮޑި ވަދެއްޖެއެވެ.
ރަށުގެ ފާލަމުގައި އޮޑީގެ ވާ އައްސާލައި، އޮޑި ރަނގަޅަށް އެޅުމުން، ފުލުހުންގެ އެކަކު، އޮޑީގައި ބަހައްޓާފައި، އަނެއް ދެ މީހުން އެ ރަށަށް ފައިބައިފިއެވެ. އެއްގަމަށް އަރައިގެން ގޮސް، މާ ގިނައިރެއް ނުވެ، އެ ދެ މީހުން އެނބުރި އަތުވެއްޖެއެވެ. އައީ އިތުރު ފުލުހަކާ އެކުގައެވެ. ފެންނަ ފެނުމުގައި އެއީ ވަރަށް ހަރުކަށި ރުންކުރު މީހެކެވެ. އޮޑިއަށް އަރައި ދިވެހީންގެ މޫނުތަކަށް ވަކިވަކިން އޭނާ ބަލައިލިއެވެ. އެއްވެސް މީހަކާ އަނގައިން ބުނާކަށް ނުހަދައެވެ. އޮޑީގެ އެކި ދިމަދިމާއަށް ކަޅި އުކައިގެންފައި، އޮޑީގައި ހުރި ތަކެތި ހާވަން ފަށައިފިއެވެ. އެ އޮޑީގައި އޭނާއަށް މަނާ އެއްޗެއް، ނުބެލޭ ތަނެއް ހުރިކަމަކަށް ނުވިއެވެ. ހުރިހާ ތަނަކާއި އެއްޗެއް ވަރަށް ރަނގަޅަށް ބަލައި ފާސްކޮށްފިއެވެ. ފޮށިތަކަށް ދާނދެނެވެ.
އެ ބެލި ބެލުމުން އޭނާއަށް ކިރިޔާ ވެސް ނުކިއްސަރު އެއްޗަކަށް އަޅައިގަތީ، އިންޑިޔާ މީހުން، ދިވެހިންނާ ހަވާލުކުރި ސިޓީއެވެ. އަހުމަދުދީދީގެ ފޮށީގައި އޮތް، އުރުދޫބަހުން ލިޔެފައިވާ އެ ސިޓީ ނަގައި، ރަނގަޅަށް ކިޔުމަށްފަހު، ރުޅިއައިސް ފުފިފައި ހުރެ، ވީދާ ކުދިކުދިކޮށްލައިފިއެވެ. އޭރު އޭނާގެ ދެ ދަތްޕިލަ ހުރީ ބާރުވެފައެވެ. ނޭވާ ހުރީ ކުރުވެ އަވަސްވެފައެވެ. ސިޓީގެ ކުޑި ކަރުދާސްތައް މޫދަށް އުކާލުމަށްފަހު، ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލައިލިއިރު، އޭނާގެ ދެ ލޮލުން ރަންކަނި ބުރަމުން ދިޔައެވެ. އޭރު ދިވެހިންގެ ކޮންމެ މީހެއްގެ ހިތް ވެސް ރޯ މަހެއް ފަދައިން ތެޅެމުން ދެއެވެ.
އޮޑި ބަލައި ފާސްކޮށް ނިންމާފައި، އޭނާ ފައިބައިގެން ހިނގައްޖެއެވެ. އެ ތަނުގައި ތިބި ފުލުހުންގާތުގައި ސިއްރުން ކޮންމެވެސް ވާހަކަތަކެއް ދައްކާފައެވެ. މި ހަރަކާތްތައް ބަލާން ތިބި ދިވެހީންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުވަނަވަސްކަން ނޫން އެއްޗެއް ނެތެވެ. ކުރިމަގު ފެންނަނީ ވަރަށް ނާމާންކޮށެވެ. އަނިޔާވެރިކަމުގެ ބިޔަ ރާޅުތައް ނަގައި ހަ ފަރާތް ބަނަކޮށްފައިވާތަން މިހާރު ވެސް ފެންނަ ކަހަލައެވެ.
އެ މީހާ ފައިބައިގެން ދިޔަތާ މާ ގިނައިރެއް ނުވެ، އެހެން ފަސް މީހަކު އަތުވެއްޖެއެވެ. ވަރުހެސަ ފަސް މީހުންނެވެ. އެހެންނަމަވެސް އެއީ މި ފަހަރު މި އައީ ފުލުހުން ކަމަކަށް ލަފައެއް ނުކުރެވެއެވެ. އެ މީހުން އައިގޮތަށް އައިސް އޮޑިއަށް އަރައިފިއެވެ. އަހައިލުމެއް ކަހައިލުމެއް ނެތެވެ. އަހާންވީ ކާކުގެ ގާތުގައި ހެއްޔެވެ؟ ކީކޭ ހެއްޔެވެ؟ މިއަދު އެ އޮޑި ކީއްކުރާން ހެއްޔެވެ؟ އޮޑީގައި ތިބި ހުރިހައި ދިވެހީންނަކީ ވެސް، އެ މީހުން ހިތުހުރި ގޮތެއް ހަދާން ލިބިފައިވާ ހަށިތަކެކެވެ. ހިބައިން ލިބިފައި ތިބި ބަޔެކެވެ. އެ މީހުން ދެކޭނީ އެ ގޮތަށެވެ.
އެ ފަސް މީހުން އޮޑިއަށް އަރައި، އޮޑީގައި ހުރި ހުރިހައި ސާމާނެއް އެ ރަށަށް ބާލަން ފަށައިފިއެވެ. މި މަންޒަރު ފެނިފައި ދިވެހީންގެ މޫނުމައްޗަށް އިތުރު ނުތަނަވަސްކަމެއް ވެރިވެގެން ދިޔައެވެ. ކުރަން އުޅެނީ ކީއްކަމެއް ލަފާކޮށްލަން ވެސް ނޭނގި ތިއްބާ، އޮޑީގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އޮޑިން ބާލައިފިއެވެ. ފޮށި ތަންމަތީގެ އިތުރުން އޮޑީގައި ހުރި ކާބޯތަކެއްޗާއި ފެން އަޅާފައި ހުރި ތިން ރުނބައާއި އޮޑީގެ މަޅުތަކަށް ދާންދެނެވެ. އޮޑިން ވަކިކުރެވޭ ތަކެތީގެ ތެރެއިން ކުނބާއި ހުންގާނާއި ރިޔާ ފިޔަވައި، ހުރިހާ އެއްޗެއް ބާލައިފިއެވެ. އެއަށްފަހު އެ އެއްޗެހިތައް ގާޑިޔާގަނޑަކަށް އަރުވައިގެން އެމީހުން ގޮސް އަވަދިވެއްޖެއެވެ.
މިހާހިސާބަށް ކަންތައް ދިޔުމުން، އަހުމަދުދީދީއަކަށް ނުހުރެވުނެވެ. އެ މީހުންނާ ހަވާލުވެގެން ހުރި ފުލުސްމީހާ ގާތުގައި، އެ ހުރިހާ އެއްޗެއް ގެންދިޔައީ ކީއްވެގެންތޯ އޭނާއަށް އެނގޭގޮތަށް އަހައިފިއެވެ. މި ސުވާލަށް ފުލުސްމީހާގެ ކިބައިން އެއްވެސް ޖަވާބެއް ނުލިބުނެވެ. ނުރުހުމާ އެކު، ލޯ އަޅައިލުން ފިޔަވައި އިތުރު ކަމެއް ނެތެވެ.
އެ މީހުން ދިޔަތާ މާ ގިނައިރުތަކެއް ނުވެއެވެ. ފުލުހުންގެ ދެތިން މީހަކު އަތުވެއްޖެއެވެ. އޭގެތެރޭގައި ދެ އޮފިސަރުން ވެސް ތިއްބެވެ. މިއީ އަދި ޖަޕާނު ފުލުހުންނެއް ނޫނެވެ. މި ރަށުގެ ފުލުހުންނެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ވެސް ފިސްތޯލައެއް އޮތެވެ. އެމީހުން ފެނުމުން، ކޮންމެ މީހެއްގެ ވެސް މޭތެޅިލައިފިއެވެ. މި ނޫނިއްޔާ އަދި މި ހާތަނަށް ހަތިޔާރު އެޅި އެއްވެސް ފުލުހަކު ނުފެނެއެވެ. ބިރުގަތީ އެހެން ވީމައެވެ.
އެ މީހުން އައިސް ފުރަތަމަވެސް އެންގީ އެންމެން އޮޑިން ފޭބުމަށެވެ. އަމުރަށް ކިޔަމަންވުން ނޫން ގޮތެއް ނެތެވެ. އެހެންކަމުން ފަހަރަކު މީހަކު ކަހަލަ ގޮތަކަށް، “އޮރިޔާން” ކޮށްލެވިފައިވާ އެ އޮޑިން ފައިބައިފިއެވެ. އެންމެން އޮޑިން ފޭބުމުން އެ މީހުން ގޮވައިގެން، އެ އައި ފުލުހުން އެއްގަމަށް ހިނގައިގެންފިއެވެ.
މަގުތަކުގައި ހިނގަމުން ދިޔައިރު، އެހެންޏާ ނުކުރެވޭ ފަދަ ބިރުވެރި އިޙުސާސެއް، ކޮންމެ މީހަކަށް ވެސް ކުރެވެމުން ދެއެވެ. ހިތް ބުނަމުން ދިޔައީ ދެން ސަލާމަތް ނުވެވޭނެ ކަމަށެވެ. މިހައިތަނުން މި ރަށުގައި ރަނގަޅަށް މި ހައްޔަރުވީ ކަމަށެވެ. އެހެންނަމަވެސް ދިރި ދުނިޔޭގައި ހުރިހާ ދުވަހަކު އޮންނާނީ އުއްމީދުކުރުމެވެ. ހެޔޮ ދުޢާކުރުމެވެ.
އެންމެން ގެންގޮސް ބޭތިއްބީ، ފުލުސް އޮފީހުގެ ފެންޑާގައެވެ. މިހާތަނަށް އައިއިރު ވެސް ޖަޕާނުގެ އެއްވެސް ފުލުހެއް ސިފައިންގޭ މީހެއް ނުފެނެއެވެ. މުޅިން ވެސް ފެންނަނީ އެ ރަށުގެ ފުލުހުންނާއި ސިފައިންނެވެ. އެހެންނަމަވެސް މިއީ ވެސް ޖަޕާނުގެ ބާރުހިނގާ، އެ މީހުންގެ އަތްދަށުގައި އޮތް ރަށެއްކަމަށް ލަފާކުރެވެއެވެ.
ފެންޑާގައި އިރުކޮޅަކު އެ މީހުން ބައިތިއްބާފައި، ދެން ގެންދެވުނީ ގާޑުރޫމަށެވެ. އެ ތަނުގައި އެންމެން ހައްޔަރުކުރީއެވެ. ދިހަ ފޫޓު ބާރަ ފޫޓް ވަރުގެ ކުޑަ ކޮޓަރިއެއްވަރު ތަންކޮޅަކަށް އެ އެންމެން ލާފައި ދޮރު ލައްޕާ ތަޅުލައިފިއެވެ. އެހެންނަމަވެސް ދޮރުގައި ޖަހާފައި ހުރި، ދަނގަނޑު ތޭރިތަކުން ރީތިކޮށް ބޭރުފެނެއެވެ.
ހައްޔަރު ކުރުމާއެކު އެންމެންގެ މައްޗަށް އާންމުވެގެން ދިޔައީ ވަރަށް ބޮޑު ނުތަނަވަސްކަމަކާއި ހިތާމައެކެވެ. ލޮލުން ކަރުނަ ނުހިލޭ ހަމަ އެކަކު ވެސް ނެތެވެ. ރަށާއި އާއިލާ މަތިން ހަނދާންވުމާ އެކު، ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭންފެށީ ބަޔާންކުރަން ދަތި ހިތްދަތި އިހުސާސްތަކެކެވެ. އެހެންނަމަވެސް މިއީ މިއަދަށް ދެއްކެވި ގޮތްކަމަށްވާތީ، ކޮންމެ މީހަކު ވެސް ބެލީ ކެތްތެރި ވެވޭތޯއެވެ. އެކަކުގެ ކިބައިން އަނެކަކު ހިތްވަރު ހޯދޭތޯއެވެ.
މި ބާވަތުގެ ކަންކަމުގައި އަންހެނުންނަށްވުރެ ފިރިހެންނުންގެ ހިތްވަރު ގަދަވާނޭކަން ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ. މި ތަނުގައި ވެސް ވީ އެކަހަލަ ގޮތެކެވެ. އެ ތަނަށް ވައްދައި ދޮރުލައްޕައި ތަޅުލުމާ އެކު ހައްވާދިޔެއަށް ރޮވިއްޖެއެވެ. ގިސްލެވޭން ފަށައިފިއެވެ. ހިތުގައި އުފެދިފައިވާ ރޯފާރުގަނޑެއް ފަދައިން މަންމަގެ ހަނދާންތައް ވޭން އަޅަންފެށީއެވެ. އެހެންކަމުން އެންމެންވެސް މަސައްކަތް ކުރަމުން ގެންދިޔައީ ހައްވާދިޔެ ހަމަޖެއްސޭތޯއެވެ. އާދަނާ އިނީ މޮޔަވާން ކައިރިވެފައެވެ. ބޮލުގައި ރިހޭވަރުން ބޯ ފަޅައިގެންދާ ވަރުވެފައެވެ. ހައްވާދިޔެ އެ ގޮތަށް ހިތާމަކޮށް ކަރުނަ އޮހޮރާ މަންޒަރު ދުށުމަކީ، އޭނާއަށް ކެތް ކުރެވޭފަދަ ކަމަކަށް ނުވިއެވެ.
އެ ރަށުގައި ވެސް މުސްލިމުން އުޅޭކަން އެނގުނީ، އެ ތަނަށް އައި އާންމުންގެ ބަޔަކު ފެނިފައެވެ. އެ މީހުން ތިބި ގޮތާއި އަޅައިގެން ތިބި ހެދުމުންނެވެ. އެ މީހުން އައިސް، ފުލުހުންގެ ކިބައިން އެދެންފެށީ، ގާޑުރޫމުގައި ހައްޔަރުކޮށްފައި ތިބި މީހުން އެ މީހުންނާ ހަވާލު ކުރުމަށެވެ. ހައްޔަރުކޮށްފައި ތިބި މީހުންނަކީ މުސްލިމުންކަން އެ މީހުންނަށް އެނގުނީއެވެ. އެ މީހުންގެ އެ ހުށައެޅުމަށް ފުލުހުން އިޖާބައެއް ނުދިނެވެ. އެހެންނަމަވެސް އެވަރަކުން އެ މީހުން ހަތިޔާރެއް ނުބެހެއްޓިއެވެ. ތަކުރާރުކޮށް އެދެންފަށައިފިއެވެ. އެހެންކަމުން އެންމެ ފަހުން ފުލުހުންނަށް ޖެހުނީ ގޮތް ދޫކުރާށެވެ. ދިވެހިންގެ އެންމެން އެ މީހުންނާ ހަވާލުކުރާށެވެ.
އެ އަވަށުގެ މުސްލިމުން އެދުނުގޮތަށް ބަންދުގައި ތިބި ތޭރަ ދިވެހިން އެ ތަނުން ނެރެ، އެ މީހުންނާ ހަވާލުކޮށްފިއެވެ. އެހެނަސް މުޅިން ވީއްލި، މިނިވަންވީއެއް ނޫނެވެ. ޖަޕާނު ސިފައިން އެ ރަށަށް އައިހައި އަވަހަކަށް އެ އެންމެން ގެނެސް ފުލުހުންނާ ހަވާލުކުރަން ޖެހޭނޭކަމަށް ލިޔެ، އެއްބަސްކުރުވިއެވެ. އަދި އެ ތަނުން ބައެއް މީހުން ލައްވާ ސޮއި ވެސް ކުރުވިއެވެ.
ތޭރަ ދިވެހީން ގޮވައިގެން އެ މީހުން ފުރަތަމަ ވެސް ދިޔައީ އެ ރަށުގެ ބޮޑު މިސްކިތަކަށެވެ. އެ ތަނަށް ގޮސް، އެންމެ ފުރަތަމަ، ހައްވާދިޔެ ފިޔަވައި އެންމެންގެ ބޯ ކޮށީއެވެ. އެއަށްފަހު މިސްކިތާ އިންވެގެން ކަހަލަ ގޮތަކަށް ހަދާފައިވާ މެހެމާނު ސަރާއަކަށް ގެންދިޔުމުން، އެންމެން ފެންވަރައި، ގައިން ތާހިރުވެ، އެ މީހުން ދިން ފޭރާންލައި ހަދާލުމުން، ހައްޓަށް ލިބުނީ ވަރަށް ބޮޑު އަރާމެކެވެ.
މިއީ އޮޑި ބެހުނު ފަހުން އެ މީހުންނަށް ލިބުނު އެންމެ އަރާމު ދުވަސްކޮޅެވެ. ބަރާބަރަށް ކާން ލިބެއެވެ. ފެންވަރައި ހިނައި ތޯހިރުވެވެއެވެ. ބޭސްފަރުވާ ލިބެއެވެ. ނަމާދުކޮށް، ޤުރުއާން ކިޔަވައި ހެދެއެވެ. ކިތަންމެ އަރާމުގައި އުޅެން ލިބިފައިވީ ނަމަވެސް، މިއީ ވަގުތީ ކަމެއްކަން އެންމެންނަށް ވެސް އެނގެއެވެ. މި ތަނުން ނިކުމެގެން ދާންޖެހޭ ވަގުތު، ހަމަ ކޮންމެ އިރެއްގައި ވެސް އެ މީހުންނާ ބައްދަލު ކޮށްފާނެއެވެ. އެ ކަން ގުޅިފައި އޮތީ، އެ ރަށަށް ޖަޕާނު ސިފައިން އައުމާއެވެ.
މި ރަށުގައި އުޅޭ މުސްލިމުންނަކީ، ކިތަންމެހައިވެސް ރަނގަޅު ބަޔެކެވެ. އެ މީހުންނަށް ކިތަންމެ ކުޑަވެސް ބާރެއް ލިބިފައިވާ ނަމަ، މިއިން އެކަކު ވެސް ޖަޕާނު ސިފައިންނަކާ ހަވާލެއް ނުކުރާނެއެވެ. އެ ބައިމީހުންގެ އަނިޔާވެރިކަމުގެ ދަށަކަށް ދޫކޮށެއް ނުލާނެއެވެ. އެހެންނަމަވެސް މިއަދަކު އެމީހުންގެ އެއްވެސް ބާރެއް ނެތެވެ. އެމީހުންނަށް ވެސް އުޅެން ޖެހިފައިވަނީ، ޖަޕާނު ސިފައިންގެ އަމުރުގެ ދަށުގައެވެ. ކިރިޔާ ވެސް ކަސިޔާރު ވެލައިފި މީހަކަށް އޮތީ މަރެވެ. ވަގުތުން ބަޑިޖަހައި މަރާލުން ފިޔަވައި ދެވަނަ ގޮތެއް ނޯވެއެވެ.
މި ވަގުތަށް ﷲ މިންވަރު ކުރެއްވި ފުރިހަމަ ނިއުމަތުގައި، ނަމާދުކޮށް ﷲއަށް ދުއާކުރުންމަތީގައި ދެމިތިބޭތާ ނުވަ ދުވަސް ފާއިތުވެ ހިނގައްޖެއެވެ. އަންނާނޭ ބިރުވެރި އަމުރެއްގެ އިންތިޒާރުގައި، އެހެނަސް އެ ފަދަ ހިލަމެއް ނެތިއެވެ. މިއަދަކީ ދިހަވަނަ ދުވަހެވެ. މި ދުވަހުގެ އިރު ދުނިޔެ މައްޗަށް ފަޅައިލީއްސުރެ، އާދަނާގެ ހިތަށް ޒާތެއްގެ ނުތަނަވަސްކަމެއް ވެރިވާން ފަށައިފިއެވެ. މި ވޭތުވެދިޔަ ނުވަ ދުވަހު ނުވާކަހަލަ އުނދަގޫތަކެއް ހިތަށް ވާން ފަށައިފިއެވެ. އެހެންކަމުން ރަނގަޅަށް ސައި ވެސް ނުބޮވުނެވެ.
“ކިހިނެއް ވެފައި މިއަދު ތި އިންނަނީ؟” ސައި ބޮއި ނިމިގެން އައިސް، އާދަނާގެ ގާތުގައި އިށީންނަމުން ހައްވާދިޔެ އަހައލިއެވެ.
“ފާޑަކަށް ހިތް ބިރުގެންފަ މިއަދު ހުންނަނީ. ހިތަށް އަރަނީ…..”
“ތި ކަހަލަ އެއްޗެހި ހިތަށް ނާރުވާ! އިރާދަކުރެއްވިއްޔާ ދެން އެ މީހުން އަހަރެމެންނެއް ނުގެންދާނެ! ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް ނުގެންދިޔައެއްނު.” ހައްވާދިޔެ ނިންމައިގެން ހުރީ، ﷲގެ ރަޙުމަތްފުޅުން މިހާރު އެ މީހުން އެ ތިބީ މިނިވަންވުމުގެ މަގުމަތީގައި ކަމަށެވެ.
“ތިހެން ވެއްޖިއްޔާ ކިތަންމެހައި ވެސް ރަނގަޅު.” އާދަނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ފާޑަކަށް ބޮލުގައި ވެސް ރިއްސާފަ ހުންނަނީ މިއަދު.”
“ދައްކާ ބޯ މޮޑެލަދޭނަން.”
ހައްވާދިޔެގެ އުނގުގައި އާދަނާ ބޯ އަޅާލައިގެން އޮށޯތެވެ. ހައްވާދިޔެ މަޑުމަޑުން، ނުހަނު ލޯތްބާ އެކު އާދަނާގެ ބޯ މޮޑެދޭން ފެށިއެވެ. އެއާއެކު އާދަނާގެ ބޮލަށް ލިބޭންފެށި އަރާމު މުޅި ހަށިގަނޑު ހިއްސާކުރަން ފަށައިފިއެވެ. އާދަނާ އޮތީ ލޯ މަރައިލައިގެންނެވެ. ހައްވާދިޔެ އިނީ ކަޅި ޖަހައިނުލައި އާދަނާގެ މޫނަށް ބަލާށެވެ. ނިތްކުރިއަށެވެ. ބުމައަށެވެ. ލޮލަށެވެ. ނޭފަތަށެވެ. ތުންފަތަށެވެ. ދަތްދޮޅިއަށެވެ. އާދަނާގެ މިއިން ކޮންމެ ގުނަވަނަކީ، ހައްވާދިޔެއަށް ކިތަންމެ އިރަކު ވެސް ބަލަން އިނދެވިދާނެ ތަންތަނެވެ. އާދަނާ ދެކެ އޭނާ ވާ ލޯތްބަކީ ބަހަކުން އަމަލަކުން ބުނެދެވޭނެ ލޯތްބެއް ނޫނެވެ.
އާދަނާއާއި ހައްވާދިޔެ ތިބީ މެހެމާނުސަރާގެ އެއް ކަނެއްގައެވެ. އެހެން މީހުން ވެސް އެކި ދިމަދިމާގައި އޮށޯވެލައިގެން ތިއްބެވެ. ދިހައެއް އެގާރަ ޖަހައިލުމުން، ދެން އޮންނާނީ ފެންވަރައިގެން މިސްކިތަށް އެރުމެވެ. ނަމާދުކޮށް ޤުރުއާންކިޔެވުމެވެ.
މެހެމާނުސަރާއަށް ވެރިވެފައިވާ ފުން ހަމަހިމޭން ކަމަށް، ކުއްލި ލޮޅުމެއް އެރީ، ފުލުހުންގެ ތިން މީހަކު އައިސް އެ ތަނަށް ވަދެގަތްތަން ފެނިފައެވެ. ވޭތުވެދިޔަ ނުވަ ދުވަސް ދިޔައީ، އެ ބިރުވެރި ޔުނިފޯމުގެ ކުލަ ވެސް އެއިން މީހަކަށް ނުފެނިއެވެ. އެހެންނަމަވެސް މި ވަގުތަކީ ކޮންމެވެސް އިރަކުން އަންނާނޭ ވަގުތެއްކަން އެނގެއެވެ.
ފުލުހުން އައިސް ވަންތަން ފެނިފައި، އެންމެންނަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވެވުނެވެ. ހީވީ އޮށޯވެ ތިއްބާ، ބުރަކައްޓަށް ކަށްޓެއް ކޮއްޕާލި ހެންނެވެ. ހައްވާދިޔެގެ އުނގުގައި ބޯ އަޅާލައިގެން އޮއްވައި ނިދި ޖެހެމުން ދިޔަ، އާދަނާއަށް ވެސް ސިހިފައި ބަލައިލެވުނީ، ފުލުހުންގެ ބަރު ބޫޓުގެ އަޑަށެވެ. ފުންމައިގެން ތެދުވެވުނީ ސިހިފައެވެ.
ދިވެހިންގެ ތޭރަ މީހުންނަށް ފުލުހުންގެ އޮފީހަށް ދާން ޖެހުނީއެވެ. ކުރާނެ ކަމެއް ނެތެވެ. މި އަމާން، ހަމަހިމޭން ދުވަސްކޮޅަށް ނިމުން އައީއެވެ. އެންމެންގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. އޭރު އެ މީހުން ގެނެސް ބަލަހައްޓަމުން ގެންދިޔަ މުސްލިމުންގެ ބައެއް މީހުން ވެސް، އެ ތަނަށް އަތުވެއްޖެއެވެ. އެއިން މީހަކަށް ވެސް، ފުލުހުންގެ ބަހަށް އިންކާރު ކުރެވޭކަށް، ދެކޮޅު ހެދޭކަށް ނެތެވެ. އެ މީހުން ވަނީ އެ ކަމަށް އެއްބަސްވެފައެވެ. ސޮއި ވެސް ކޮށްފައެވެ.
ދިވެހިންގެ އެގާރަ މީހުން ގޮވައިގެން، ފުލުހުންގެ އޮފީހަށް ދިޔައީ، ވޭތުވެދިޔަ ނުވަ ދުވަހު އެ މީހުންނަށް ހިމާޔަތާއި އެހީތެރިކަން ފޯރުކޮށްދިން މީހުންނެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނާން ހުރީ، ހިތާމައާއި މޮޅިވެރިކަމުގެ އަސަރެވެ. ދެ ލޮލުގައި ވަނީ ކަރުނައިގެ ތެތްކަމެވެ. މި މަންޒަރުގެ ސަބަބުން ދިވެހީންގެ ހިތަށް ވަނީ ވަރަށް ބޮޑު ބިރުވެރި ކަމެކެވެ. އެ މީހުންނަށް ވިސްނުނީ އެއީ ކުރިއަށް އޮތް ދުވަސްތަކުގައި އެ މީހުންނަށް ކުރިމަތިލާން ޖެހޭނެ ނުރައްކާތެރިކަމުގެ ބޮޑުކަމުގެ އަލާމާތެއް ކަމުގައެވެ.
ފުލުސް އޮފީހަށް ވަންއިރު އެންމެ ކުރީގައި ހުރީ އަހުމަދުދީދީއެވެ. އޭނާއާ ޖެހިގެން އާދަނާއެވެ. އާދަނާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހައްވާދިޔެ ހުރިއިރު، އޭނާގެ އަތްވަނީ ފިނިވެފައެވެ. ރޫރޫ އަޅާކަމުގެ އިހުސާސް ކުރެވެއެވެ. އެހެން މީހުން ވަނީ އެ މީހުންގެ ފަހަތުންނެވެ. ކޮންމެ މީހެއްގެ ހިތް ވެސް ބާރަށް ތެޅެމުންދެއެވެ.
ފުލުސް އޮފީހަށް އެ މީހުން ވަންއިރު، އެ ތަނުގެ ފެންޑާގައި ޖަޕާނު އޮފިސަރުންގެ ފަސް މީހަކު ތިއްބެވެ. ސިފައިންގެ މަދުވެގެން ސަތޭކަވަރަކަށް މީހުން ތިއްބެވެ. ހަތިޔާރު އަޅައިގެންނެވެ. އެ މީހުންގެ އަތުގައި ރޭޑިޔޯ ތެލިފޯނުގެ ދެތިން ސެޓެއް ހުއްޓެވެ. އޭރުވެސް ކޮންމެވެސް ތަނަކަށް ގުޅައިގެން ވާހަކަތަކެއް ދައްކައެވެ. ޖަޕާނުބަހުން ކަމަށްވާތީ، ކިޔައި ނުކިޔައި އެއްޗެއް ސާފެއް ނުވެއެވެ.
އެންމެން އެ ތަނަށް ވަނުމާ އެކު، ފުރަތަމަ ވެސް އެ ތަނުގައި ތިބި ފަސް އޮފިސަރުންގެ ތޫނު ނަޒަރުން، އެންމެން ބިރުން ފިތްކަނޑުވާލައިފިއެވެ. އެ ތަނުން ހަތަރު އޮފިސަރަކު އެ ތަނުގައި ހުރި ކޮޓަރިއަކަށް ވަދެއްޖެއެވެ. އެއާއެކު އޯޑަރު އައީ، ފަހަރަކު މީހަކު އެތެރެއަށް ވަނުމަށެވެ. އިސްނަގަން ހަމަ ކޮންމެ މީހަކު ވެސް ޖެހިލުންވެއެވެ. އެހެންކަމުން މިފަހަރު ވެސް އިސްނެގީ އަހުމަދުދީދީއެވެ. ކޮންމެ ގޮތެއް ހެދި ނަމަވެސް ޖެހޭނީ ދާށެވެ. އެންމެ ބޮޑު ވަރަކަށް ވެސް ކުރެވޭނެކަމަކީ ފުރާނައާއި ހަށިގަނޑާ ދެ ތަން ކުރުމެވެ.
މާތް ﷲއަށް ވަކީލު ކޮށްލައިގެން، އަހުމަދުދީދީ ހިނގައިގެންފިއެވެ. އޮފިސަރުން ތިބި ކޮޓަރިއަށް ވަންއިރު، އެ މީހުންނަށް ޚާއްޞަވެފައިވާ ގޮނޑިތަކުގައި ވެޑުވިފައި ތިއްބެވެ. އަހުމަދުދީދީ ވަނުމުން، ނުލަފާ ފާޑަކަށް، ރުޅިވެރިކަމާ އެކު ބަލައިލައިފިއެވެ. އިށީންނާކަށް ނުބުނެއެވެ. ފުރަތަމަވެސް ފެށީ ސުވާލުކުރާށެވެ. ކުރާ ސުވާލެއް ނޭނގެއެވެ. އެނގެނީ އެންމެ ދެ ލަފުޒެވެ. “މޯލްޑިވްސް” “އައްޑު އެޓޮލް” މި ނޫން އެއްޗެއް ދޭހައެއް ނުވެއެވެ. ޖަވާބުދޭން ބުނާނޭ އެއްޗެއް ވެސް ނޭނގުނެވެ.
ކުއްލިއަކަށް އެ ތަނުން އެކަކު ފުންމައިގެން ތެދުވެ، އަތް ދަމާލައިފައި އަހުމަދުދީދީގެ ކަންކަށިމަތީގައި ވަރުގަދަ އެތިފަހަރެއް އަޅައިފިއެވެ. ވީތަދާ އެކު މޫނުމައްޗަށް އަނދިރިވިއެވެ. ކުދި ކޮކާ ބުރަންފެށިއެވެ. ހޭބަލިވެގެން ހުރިތަނަށް ނުދެމުނީ ހަމަ ކިރިޔާއެވެ. އެހައިތަނުން ސުވާލުކުރުން ނިމުނީއެވެ. އަހުމަދުދީދީ އެ ތަނުގައި ކޮޅަށް ބަހައްޓާފައި، ދެވަނަ މީހާ ވައްދައިފިއެވެ. މި ފަހަރު އަލިފުތާއެވެ. ކަން ހިނގީ ހަމަ ކުރިން ވެސް ހިނގި ގޮތަށެވެ. އަލިފުތާގެ ކަންކަށިމައްޗަށް ވެސް ހަމަ އެފަދަ ހޫނު އެތިފަހަރެއް އަރުވައިލުމަށްފަހު، އަހުމަދުދީދީ ގާތުގައި ބަހައްޓާފައި، ދެން ގެނައީ ރެކިފުތާއެވެ.
މި ގޮތަށް ފަހަރަކު މީހަކު ގެނެސް، އެ ކުރާ ސުވާލެއްކޮށް، ކަންކަށިމައްޗަށް އަރުވާލައި ހޫނު ހަމަލާއެއް އަރުވާލައެވެ. ވީއްލައިލައިލެއް ބާރުކަމުން، ކޮންމެ މީހެއްގެ ކަންކަށިމަތި ވެސް ވަނީ ނޫފައިގެންފައެވެ. އެންމެ ފަހުން ވެއްދީ ހައްވާދިޔެއެވެ. ހައްވާދިޔެ ރޮވިފައި ހުއްޓާ، ކަންކަށި މަތީގައި އަޅައި ވިހެލުމާ އެކު، އޭނާ އެ ހުރިތަނަށް ވެއްޓިއްޖެއެވެ. މި ކަމެއް ހިނގީ އެންމެންގެ ކުރިމަތީގައެވެ. އާދަނާއަށް ހީވީ އޭނާގެ ކަންކަށިމަތީގައި އެތިފަހަރެއް އަޅައިލިހެންނެވެ. އޭނާއަށް ބާރަށް ރޮއިގަނެވުނެވެ. އަވަސް އަވަހަށް ކުރިއަށް ޖެހިލެވުނީ ހައްވާދިޔެ ނަގާށެވެ. އެހެންނަމަވެސް އެ ފުރުޞަތު އޭނާއަށް ލިބުމުގެ ބަދަލުގައި، އޭނާގެ ބުރަކަށި މައްޗަށް އެރީ ސިފައިންގެ މީހެއްގެ ބޫޓުގެ ހޫނު ހަމަލާއެކެވެ. އެއާ އެކު އޭނާ ވެސް އެ ތަނަށް ވެއްޓުނީއެވެ.
ޖަޕާނު ސިފައިން ކުރާ ސުވާލު އެ މީހުންނަށް ނޭނގުނު ނަމަވެސް، ސުވާލު ކުރަނީ ދިވެހިރާއްޖޭގައި އޭރު ތިބި އިނގިރޭސީންނާ ބެހޭގޮތުންނެވެ. އެ މީހުން ތިބޭ ތަނަކާއި އެ މީހުންގެ އަމަލުތަކާ ބެހޭގޮތުންނެވެ. 1939 އިން 1945 އަށް ހިނގި ދެވަނަ ބޮޑު ހަނގުރާމައަކީ، ޖަރުމަނު އިސްވެ އޮވެ، ފެށި ހަނގުރާމައެއް ކަމަށް ވިޔަސް، ޖަރުމަނާ ގުޅިގެން އޭޝިޔާ ސަރަޙައްދު ބިރުވެރިމަކަށް ގެނައި ބަޔަކީ ޖަޕާނެވެ. ޖަޕާނުގެ ވަރުގަދަ ލަޝްކަރެވެ.
އެ ދުވަސްވަރު ދިވެހިރާއްޖެއާއި ދެކުނު އޭޝިޔާގެ ގައުމުތައް އޮތީ އިނގިރޭސީންގެ ބާރުގެ ދަށުގައެވެ. އިނގިރޭސިވިލާތަކީ، ޖަރުމަނާ ދެކޮޅަށް އުފެދުނު އިންތިހާދީންގެ، އެންމެ އިސް އެއް ގައުމެވެ. އޭޝިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ކުރި ދެ ލަޝްކަރަކީ، ޖަޕާނާއި އިނގިރޭސީންގެ ލަޝްކަރެވެ. ދިވެހިރާއްޖޭގައި އިނގިރޭސީން ތިބޭކަން ޖަޕާނުންނަށް އޮތީ މާ ރަނގަޅަށް ވެސް އެނގިފައެވެ. އެ މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި ދިވެހިންނަކީ ވެސް އިނގިރޭސީންނަށް ތާޢީދުކުރާ، ބަޔެކެވެ. އެހެންކަމުން އެ ތޭރަ މީހުންނަކީ ދިވެހިންކަން އެނގުމުން، އެ މީހުންނާ މެދު، ޖަޕާނުންގެ ނަފުރަތު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ މީހުންނަށް ދުށީ، އެއީ ހަނގުރާމައިގެ އަސީރުން ކަމުގައެވެ.
ޖަޕާނުންގެ ރުންކުރު ސުވާލު އަމާޒުވަމުން ދިޔައީ އިނގިރޭސީންނާ ބެހޭގޮތުންނެވެ. އިނގިރޭސިންގެ ޚަބަރު ދަބަރު އޮޅުން ފިލުވުމަށެވެ. ދިވެހީންނާ އެ މީހުން ކުރިމަތިލައި ސުވާލުކުރާން ފެށީ، ވަރަށް ފޮނި ނަތީޖާއެއް ނިކުންނާނޭކަމުގެ، އުއްމީދާ އެކުގައެވެ. އެހެންނަމަވެސް ކަން ނިމިގެން ދިޔައީ ހީކުރިގޮތާ ދިމާ އިދިކޮޅަށެވެ. ދިވެހިންގެ ފުށުން އެއްވެސް ކަމެއް އޮޅުންފިލާ ގޮތެއް ނުވިއެވެ. ކުރެވުނު ހަރުކަށި، ހޫނު ތަޙުޤީޤު ނިމިގެން ދިޔައީ ފަނުފުލުންނެވެ. އެހެންކަމުން ޖަޕާނުންގެ ރުޅި ވަނީ އިންތިހާއަށް ގަދަވެފައެވެ. އެ މީހުންގެ ހައްޔަރުގައި ތިބި ދިވެހިންނަކީ އެ މީހުންގެ ދުޝްމަނުންކަމުގައި ނިންމައިފިއެވެ.
އުއްމީދުކުރި ނަތީޖާ ނިކުންނަ ގޮތް ނުވުމުން، ތަޙުޤީޤު ކޮޓަރިން އެންމެން ބޭރަށް ނެރެފިއެވެ. ފެންޑާތެރޭގައި ސަފަކަށް އަތުރާލައިފިއެވެ. ހަދާން އުޅޭ ގޮތެއް، ކުރާން އުޅޭކަމެއް ލަފާކޮށްލާކަށް ވެސް ނޭނގެއެވެ. ތޭރަ މީހުން ސަފަކަށް އަތުރައިލުމަށްފަހު، ކޮންމެ މީހެއްގެ ސީދާ މެޔާ ދިމާއަށް ބަޑި ދިއްކޮށްފިއެވެ. އެންމެން ބިރުން ފިތް ކަނޑައިގެން ހިނގައްޖެއެވެ. ދުލަށް އައިހައި ހެޔޮއެއްޗެއް ކިޔަން ފަށައިފިއެވެ. ފަހުނޭވާ ދޫކޮށްލުމުގެ ވަގުތު ކުޑަތަންވީކަން ކަށަވަރު ވެއްޖެއެވެ.
ކަން ހިނގީ އެ މީހުން ހީކުރި ގޮތަކަށް ނޫނެވެ. އެއް ހަމައަކުން ބަލާ ނަމަ، އެއަށްވުރެ ވެސް ގޯސްކޮށެވެ. މެޔަށް ވަޒަނެއް ފޮނުވާލައިގެން އެކަތި ފަހަރުން ދުއްވާލި ނަމަ، އެ ކަން އެ ނިމުނީއެވެ. އިތުރަށް ލިބޭނެ އަނިޔާއެއް، ވާނެ ހިތްދައްޗެއް ނޯންނާނެއެވެ. އެހެންނަމަވެސް އެހެނެއް ނުހެދިއެވެ. ބަޑިއެއް ނުޖެހިއެވެ. މެޔާ ދިމާއަށް ބަޑި ދިއްކޮށްގެން ތިބީއެވެ. ސިކުންތުތައް މިނެޓުތަކަށް ބަދަލުވަމުން ގޮސް، ތިން މިނެޓު، ހަތަރު މިނެޓަށް ބަދަލުވެއްޖެއެވެ.
ކުއްލިއަކަށް ސިފައިންގެ މީހަކު އެ މީހުންނާ ދިމާއަށް ކުރިއަށް ޖެހިލައިފިއެވެ. އޭނާގެ އަތަކު ހަތިޔާރެއް ނެތެވެ. އޭނާ އައި ގޮތަށް އައިސް ހުއްޓުނީ، އެޅެފުތާގެ އަލިފުތާގެ ގާތަށެވެ. އަލިފުތާގެ މޭ ބާރުބާރަށް ތެޅެގަތެވެ. ވަރުހުރި ހަމަލާއެއް ހަށިގަނޑުގެ ކޮންމެވެސް ދިމާއަކަށް އަރާނޭކަން ކަށަވަރުވުމުންނެވެ. ހަމަލާ އަންނާނީ ކޮން ވަގުތަކު ކޮން ގޮތަކަށް ކަމެއް ނޭނގެއެވެ. އެހެންކަމުން އޭނާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މި މަންޒަރު ފެންނަ ފަށުގައި ތިބި އަނެއް ބާރަ ދިވެހިންގެ ހާލަކީ ވެސް މިއެވެ.
އަލިފުތާއާ ދިމާއަށް އިރުކޮޅަކު ބަލަން ހުރެފައި، ސިފައިންގެ މީހާ ކުއްލިއަކަށް ދެ އަތުން، އަލިފުތާ ލައިގެން ހުރި ޖުއްބާގެ ގިރުވާނުގައި ހިފައިފިއެވެ. ހަމަ އެ ސިކުންތުގައި ޖެހި ވަރުގަދަ ލަތްކަކާ އެކު، ޖުއްބާ އިރާލައި ހަށިގަނޑާ ވަކިކޮށްލާފައި އަތުކޮޅަށް ހޫރާލައިފިއެވެ.
ހީވެސް ނުކުރާ ކަހަލަ ކަމެއް އެ މީހާ ކުރުމުން އަލިފުތާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އެ މީހާގެ މޫނަށް ކަޅި ގުއްޓާލައިގެންނެވެ. އެހެން ހުއްޓާ އޭނާ ދެން ހިފީ، އަލިފުތާ އަނދެގެން ހުރި މުންޑުގައެވެ. އަލިފުތާއަށް ތެޅިގެންފައި އަވަސްއަވަހަށް އޭނާގެ އަތުގައި ހިފެހެއްޓުނެވެ. ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށެވެ. ޖުއްބާ ފަދައިން މުންޑުގަނޑު ހަށިގަނޑާ ވަކިކޮށްލަފާނެތީއެވެ. ހިފެހެއްޓުމާ އެކު، ގޮށްމުށުގެ އެތިފަހަރެއް އަލިފުތާގެ މޫނުމައްޗަށް އަރައިފިއެވެ. ވީ ތަދާއި ނަގައިގަތް ދިލައާ އެކު މޫނުމަތީގައި ދެ އަތް އެޅުނެވެ. އެ ވަގުތު އޭނާ އަނދެގެން ހުރި މުންޑު އޭނާގެ ގައިން ވަކިކޮށްލައިފިއެވެ. އެންމެންގެ ކުރިމަތީގައި އަލިފުތާ އޮރިޔާންކޮށްލައިފިއެވެ. ރަހުމެއް ހަމްދަރުދީއެއް، އަގަލެއް ކުލުނެއް ނެތެވެ.
ދެން ތިބި ބާރަ ދިވެހީންނަށް މި މަންޒަރު ފެނުމުން، ގަތް ލަދާއި ވީ ދެރައިން ދެ ލޯ މަރައި ފިއްތާލެވުނެވެ. އަވަސް އަވަހަށް އިސްދަށަށް ޖެހުނެވެ. އެންމެން ވެސް ތިބީ، ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔާލަކިޔާލައެވެ. ދުޢާކޮށްލަކޮށްލައެވެ. އަލިފުތާއަށް ކުރަން ޖެހުނު ހިތްދަތި ލަދުވެތި ތަޖުރިބާ، އެ މީހުންނަށް ކުރަންނުޖެހި ސަލާމަތް ކުރައްވާތޯއެވެ.
އެ އެންމެންގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއި ހިތްދަތިކަން ވަނީ އިންތިހާއަށް އަރާފައެވެ. އާދަނާއާއި ހައްވާދިޔެގެ ހާލު އަދި ވަކީން ބޮޑެވެ. މި އެންމެންގެ ކުރިމަތީގައި ހައްވާދިޔެއަށް އެ ހާލު ޖައްސައިފި ނަމަ، އެ ފަކީރަށްވާނީ ކިހިނެއް ބާވައެވެ؟ އާދަނާއަށް ވާނީ ކިހިނެއް ބާވައެވެ؟ އެ ދެމަފިރިންގެ ހާލަތު ހިތަށް ގެނާން ވެސް ދައްޗެވެ.
އަލިފުތާއާ ޖެހިގެން ދެން ހުރީ، އެޅެފުތާގެ މުޙައްމަދެވެ. އަލިފުތާ އެ ހުރި ހާލަށް އެ ތަނަށް ދޫކޮށްލުމަށްފަހު، ސިފައިންގެ މީހާ ދެން އައިސް ހުއްޓުނީ މުހައްމަދުގެ ކުރިމައްޗަށެވެ. މުހައްމަދަށް މަޑުމަޑުން އިސްއުފުލައި އޭނާގެ މޫނަށް ބަލައިލެވުނެވެ. ބިރުން ވިރިވިރި ހުރެއެވެ. އެ މޫނު ފެނުމާ އެކު، އޭނާގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ. އޭނާގެ ކުރިމަތީގައި ފެންނާން ހުރި ދޮން މޫނު ހުރީ، ރުޅިވެރިކަމުގެ ހޫނުލެއިން ކުލަޖެހި ރަތްއަރާފައެވެ. ދެ ލޯ ބޮޑުވެ ދެ ކާށިކިބަހެން ވެފައެވެ. މުހައްމަދަށް އަވަސް އަވަހަށް އިސްދަށަށް ޖެހުނެވެ. ހަމަ އެ ވަގުތު އޭނާ ލައިގެން ހުރި ފޭރާން ވެސް، ވީދައި ކުދިކުދިކޮށް، ގައިން ވަކިކޮށް ދުރަށް ހޫރާލައިފިއެވެ. ގަތްލަދެއްގެ ބޮޑުކަމުން މުހައްމަދަށް އުޅެވުނު ގޮތް ވެސް ނޭނގުނެވެ. އަތުން ނިވާކުރެވުނު ތަނެއް ނިވާކޮށްފިއެވެ.
ދެން ހުރީ އާދަންފުތާއެވެ. އެންމެ އަށާރަ އަހަރުގެ ޒުވާން ސޮރެކެވެ. އޭނާގެ ފޭރާމުގައި ހިފި ވަގުތު، ގަދަ ދައްކާން އުޅެގަނެވުނެވެ. ބޭއިޚުތިޔާރުގައި އެ ހަރަކާތް ގެނެވުނީއެވެ. ނަތީޖާ އައީ ވޭން ގަދަ ހަމަލާއަކުންނެވެ. ބޮލުގައި ގުއްޓެއް އަޅައި ބުރާންތި ކޮށްލުމަށްފަހު، އަނެއް ދެ މީހުންނަށް ޖެއްސި ހާލު އޭނާއަށް ވެސް ޖައްސައިފިއެވެ. ދެން ހުރީ އަހުމަދުދީދީއެވެ. އުމުރުން އެންމެ 25 އަހަރުކަމަށް ވިޔަސް، މި ދަތުރަށް ފުރީއްސުރެ އެންމެންގެ ބަފައެއްގެ ގޮތުގައި ހުރި މީހާއެވެ. އޭނާގެ ކުރިމައްޗަށް ސިފައިންގެ އެ މުޑުދާރު މީހާ އައިސް ހުއްޓުމާ އެކު، ދެން ތިބި މީހުންނަށް ލޯ މަރައި ތަގުޅިކޮށްލެވުނެވެ. އޭނާއަށް އެ ފަދަ ގޮތެއް ހަދާތަން ލޮލުގެ ކުޑަކޮޅުން ވެސް ފެންނަން ބޭނުންނުވާތީއެވެ. އަހުމަދުދީދީއަށް ކުރެވޭ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. އިންތިހާއަށް ލޯބިވާތީ ވެސް މެއެވެ.
އަހުމަދުދީދީ ދެކެ އެ މީހުންކިތަންމެ ލޯބިވިޔަސް، ކިތަންމެ އިހުތިރާމެއް ކުރިޔަސް، އެ މީހުންގެ މައްޗަށް ފާވެފައި ހުރި ޝައިޠާނާގެ ހިތުގައި ރަހުމުގެ ކުނޑިފުކެއް ވެސް ނެތެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތެވެ. އެހެން މީހުނަށް ޖެއްސި ހާލު ގަދަކަމުން ކަހަލަ ގޮތަކަށް އަހުމަދުދީދީއަށް ވެސް ޖައްސައިފިއެވެ.
އަހުމަދުދީދީއަށްފަހު ފިޔޯރީ އާދަނާއެވެ. އެއަށްފަހު ރެކިފުތާއެވެ. ރެކިފުތާއާ ޖެހިގެން ހުރީ ހައްވާދިޔެއެވެ. ސިފައިންގެ މީހާ ރެކިފުތާގެ ކުރިމައްޗަށް ހުއްޓުނުއިރު، ހައްވާދިޔެއަށް ރޮވޭން ފަށައިފިއެވެ. މި އެންމެންގެ ކުރިމަތީގައި ބަރަހަނާވާން ޖެހޭ ވަގުތު ކުޑަތަންވަނީކަން އެނގޭތީ ނުހިފެހެއްޓުނީއެވެ. ހައްވާދިޔެއާ ޖެހިގެން ހުރި، އޭނާގެ ފިރި އާދަނާ ސިއްރުސިއްރުން ހައްވާދިޔެގެ އަތްތިލައިގައި ހިފައި ފިތާލިއެވެ. ހިތްވަރެއް ދިނުމަށް ވެސް މި ވަގުތު ކޮށްލެވެން އޮތް ވަރަކީ އެއީއެވެ.
ރަކިފުތާ “ނޮޅާލުމަށްފަހު” ސިފައިންގެ މީހާ، ދެން އައިސް ހުއްޓުނީ ހައްވާދިޔެގެ ކުރިމަތީގައެވެ. އެއަށްފަހު އޭނާގެ ދޮން މޫނަށް ނަޒަރު ހުއްޓާލިއެވެ. ފިރިހެންވެރީންނާ ދިމާއަށް ބެލިބެލުމާއި ހައްވާދިޔެއާ ދިމާއަށް ބަލައިލި ގޮތުގައި ތަފާތެއް ހުއްޓެވެ. އެހެންނަމަވެސް ރަހުމުގެ ކުޑަ ވެސް މިންވަރެއް ނެތެވެ. ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ، ވަހުޝީ ހިނިތުންވުމެކެވެ. އާދަނާއަށް ހުރެވުނީ ތެޅިތެޅި އޮތް ހިތަކާ އެކު އެ މީހާގެ ހުތުރު މޫނަށް ބަލާށެވެ. މި ކަން އެ މީހާއަށް ފާހަގަކުރެވިގެން، އާދަނާއާ ދިމާއަށް ލޯ އަޅައިގަތެވެ. ދަތްކުނޑިވިކައިގެންފައި ހަޅޭއްލަވައިގަންނަމުން، އާދަނާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖަހައިފިއެވެ.
ހަމަ އެ ރުޅިގަނޑުމަތީގައި ހައްވާދިޔެ ލައިގެން ހުރި ހެދުމުގެ ކަރުވަޅާ ދިމާގައި އޭނާ ދެ އަތުން ހިފައިފިއެވެ. ހައްވާދިޔެއަށް ބާރަށް ރޮއިގަނެވުނެވެ. އެ މީހާގެ ދެ އަތުގައި ހިފަހައްޓަމުންނެވެ. ތިހެން ނަހަދާށޭ ކިޔައި އާދޭސްކުރަމުންނެވެ. މި މަންޒަރު ފެނިފައި، އާދަނާގެ މޫނުމައްޗަށް ވީ ތަދާއި ނެގި ދިލަ ކުއްލިއަކަށް ފިލައިގެން ދިޔަ ކަހަލައެވެ. އޭނާ ވަގުތުން އަތް އުފުލައިލީ، ލޯބިވާ އަނބިމީހާ ސަލާމަތްކުރެވޭތޯއެވެ. އެތައް ބަޔެއްގެ ކުރިމަތީގައި އަނބިމީހާގެ ހަށިގަނޑު ހާމަކުރުން މަނާކުރެވޭތޯއެވެ. އެހެންނަމަވެސް އާދަނާއަކަށް އެއް ކަމެއް ވެސް ނުކުރެވުނެވެ. ކުރިމަތީގައި ބަޑި ދިއްކޮށްގެން ހުރި މީހާ، އޭނާގެ ދެ އަތުގައި ހިފައި، ކުޑަކަކޫ މައްޗަށް ތިރިކުރުވައިފިއެވެ.
ހައްވާދިޔެ ރޮމުން ހޭރެމުން ގިސްލަމުން އާދޭސްކުރަމުން ގެންދެއެވެ. އޭނާގެ ހެދުމުގައި ހިފަހައްޓައިގެން ހުރި މީހާގެ ދެ އަތުގައި ހިފަހައްޓައިގެން ހުރެއެވެ. އޭނާ މަސައްކަތްކުރަމުން ގެންދިޔައީ އެ މީހާގެ އަތް ހެދުމުން ނައްޓުވައިލެވޭތޯއެވެ. އެހެންނަމަވެސް އެ ފަދަ ބާރުގަދަ މީހެއްގެ ކުރިމަތީގައި، ހައްވާދިޔެ ކަހަލަ ހިމަތޮޅި ބަލިކަށި އަންހެންކުއްޖަކަށް ދެއްކޭނީ ކޮން ގަދައެއް ހެއްޔެވެ؟ އާއެކެވެ! އެއްވެސް ގަދައެއް ނުހެދުނެވެ. ކިތަންމެ ނޭދުނަސް އެ ހިތްދަތި ހާލަތު ތަޖުރިބާކުރާން ހައްވާދިޔެއަށް ޖައްސައިފިއެވެ.
ހައްވާދިޔެ ރޮއިރޮއި ހުއްޓާ، ލައިގެން ހުރި ހެދުމާއި ހަރުވާޅު ވީދާކުދިކުދިކޮށް ގަޔާ ވަކިކޮށް އުފަން ހާލު ކޮށްލައިފިއެވެ. ގަތް ލަދެއްގެ ބޮޑުކަމުން އަވަސް އަވަހަށް އެ ހުރި ތަނުގައި އުޑަފައިން އޭނާއަށް އިށީނދެ، ދެ ކަކުލުގައި ބާރަށް ބެއްދުނެވެ. އެހެނަސް އެ ގޮތަށް އިންނާކަށް އެ މީހުން ހައްވާދިޔެއަކަށް ފުރުސަތެއް ނުދިނެވެ. އިންޒާރު އައީ ކޮޅަށް ތެދުވުމަށެވެ. ހައްވާދިޔެ ރޮއި އާދޭސްކުރިއެވެ. ދެ ފައިގައި ހިފައި ސަލާންޖެހިއެވެ. އެހެންނަމަވެސް އެ މީހުންގެ ހިތަކަށް އެ ކަމުން ކުރި އަސަރެއް ނެތެވެ. އެންމެ ފަހުން ހައްވާދިޔެ ނުތެދުވުމުން، ބުރަކަށިމަތީގައި ވީއްލައިލައިފިއެވެ. ވީތަދުން އަމިއްލަ ނަފުސުގެ ސަލާމަތަށް ޓަކައި އޭނާއަށް ޖެހުނީ ތެދުވާށެވެ. އެހެން މީހުންނެކޭ އެއް ފަދައިން ކޮޅަށް ހުންނާށެވެ.
ހައްވާދިޔެއަށް ޖެހިފައި ހުރި ނިކަމެތި ހާލު ފެނިފައި، އާދަނާގެ ހިތް ކުދިކުދި ވެއްޖެއެވެ. އެތެރެހަށީގައި އެނބުރިގަތް ގަދަފަދަ ހޫނާ އެކު، އެ ހިތް ވިރިގެން ފޭބި ކަހަލައެވެ. އޭނާއަށް އަޑުން އަޑުނަގައި ރޯންފެށުނެވެ. ހައްވާދިޔެ އެ ހާލުން މިންޖުކޮށްދޭތޯ އެ ތަނުގައި ތިބި މީހުންގެ ގާތުގައި އާދޭސްކުރާން ފެށިއެވެ. އެހެންނަމަވެސް އެ އަޑެއް އެ މީހުން ނޭހިއެވެ. އެ މީހުން އުޑަފައިން ކަހަލަ ގޮތަކަށް އިން އާދަނާގެ ގާތަށް ޖެހިލުމަށްފަހު، ބޮލުގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނަގައިފިއެވެ. އެއާ އެކު ބަސްބުނާ ހިނދުން، އާދަނާގެ ފޭރާން ވެސް އޭނާގެ ގަޔާވަކިކޮށް އުފަންހާލަށް ހަދާލައިފިއެވެ. މި ގޮތަށް ފަހަރަކު މީހަކަށް މި ހާލު ޖައްސަމުން ގޮސް، ތޭރަ ދިވެހިން އޮރިޔާންކޮށް ނިންމައިފިއެވެ.
އެ އެންމެން އުފަން ހާލުގައި ބައިތިއްބައިގެން، އެ މީހުން ބަލާނެ ތަނެއް، ބަލާނެ ވަރަކަށް ބަލައިފިއެވެ. ގިނަ ސިފައިންގެ ކަޅި ހުއްޓިފައި ހުރީ ހައްވާދިޔެގެ ޒުވާން ހަށިގަނޑާދިމާއަށެވެ. އެއީ ލޫޅާފަތި ރީތި ކުއްޖެކެވެ. ހުވަދޫއަތޮޅުގެ ރީތި ކުދީންގެ ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯދި ކުއްޖެކެވެ. އެ ފަދަ ރީތި ކުއްޖަކު، އެ ގޮތަށް ހުންނައިރު، އެ ކަހަލަ ވަހުޝީ ބަޔެއްގެ ހާލަތު ހުންނާނެ ގޮތް ލިޔެ، ފޮޅުވަތްތައް ފުރުމުގެ ބޭނުމެއް އޮންނާނޭ ކަމަކަށް ނުދެކެމެވެ.
ކަންހިނގައި ދިޔަގޮތުން ހައްވާދިޔެއާއި އާދަނާގެ ހާލު ވަނީ ވަރަށް ބޮޑުވެފަވެ. އެ ދެމަފިރީންނަކަށް ހުއްޓައެއް ނުލެވެއެވެ. ރޮވެނީއެވެ. ގިސްލެވެނީއެވެ. އެތައް ބަޔަކު ހައްވާދިޔެގެ ނިވާކަމެއް ނެތް ހަށިގަނޑަށް ބަލައިގެން ހިތްހަމަޖެހުން ހޯދަމުން ދެއެވެ. މި ފަދަ ދަނޑިވަޅެއްގައި ފިރިއެއްގެ ހައިސިއްޔަތުން އާދަނާގެ ހިތުގައި އަޅާނެ ވޭން އިޙުސާސްކުރެވޭނީ، އެ ފަދަ ކަމެއް ތަޖުރިބާކުރަން ޖެހުނު މީހަކަށެވެ.
މި ގޮތުގައި ހައެއްކަ މިނެޓު ހޭދަވެއްޖެއެވެ. ހިތްހަމަޖެހޭ ވަރަށް ބެލުނީ ވެސް ތޯއްޗެކެވެ. ކޮންމެ މީހެއްގެ އަތަށް ކުޑަ ފޮތިކޮޅެއް ދީފިއެވެ. އަދި އެއިން ހަށިގަނޑު ނިވާކުރަން އަންގައިފިއެވެ. އެ ފޮތިކޮޅު ލިބުމާ އެކު، ކޮންމެ މީހަކު ވެސް އަވަސްގަންނަނީ، އެ އިން އުނުއޮރިޔާން ނިވާކޮށްލެވޭތޯއެވެ، އެހެންނަމަވެސް މާ ބޮޑުވަރެއް ނުވެއެވެ، ފުޅާއި ކަކުލާ ދެމެދު ކިރިޔާ ނިވާކޮށްލެވެނީއެވެ. ފިރިހެނުންނަށް މި ވަރުން ފުއްދާލެވިދާނެއެވެ. އެހެނަސް ހައްވާދިޔެ އަދިވެސް ހުރީ، ވަރަށް ނިކަމެތި ހާލަތެއްގައެވެ. އިރުކޮޅަކުން ނަންބަރު ފޮއްޗެއް ލާފައި އޮތް ފަށެއް ގެނެސް ކޮންމެ މީހެއްގެ ކަރުގައި އަޅުވައިފިއެވެ. މިހައިހިސާބުން ކަށަވަރުވި ކަމަކީ، ހަމަ ރަނގަޅަށް ވެސް ޖަޕާނު ސިފައިންގެ އަތްދަށުގައި ތާ އަބަދަށް ހައްޔަރުވީ ކަމެވެ.
އިރުކޮޅަކުން ކޮންމެ މީހެއްގެ ކުރިމަތީގައި ގެނެސް ބެހެއްޓީ، ފާޑެއްގެ ބޮނޑިބަތް ގަނޑެއް ކަހަލަ އެއްޗެއް އަޅާފައި ހުރި ތަށްޓެކެވެ. ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ފެންނަނީ ވަރަށް ފަކުރު ގޮތަކަށެވެ. އެހެންނަމަވެސް ކާން މަޖުބޫރެވެ. އިންޒާރު އައީ ކެއުމަށެވެ. ނުކައިފި ނަމަ އަނިޔާ ވެސް ކޮށްފާނެއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ހިތްވަރަށް އެތިކޮޅެއް އަނގަޔަށް ލައިފިއެވެ. ލޮނު ރަހައެއް، ފޮނި ރަހައެއް، ކުޅި ރަހައެއްލާ އެއްޗެއް ނޫނެވެ. ފެންބަތްގަނޑެއް ކަންނޭނގެއެވެ.
ކައި ނިމުމުން އެންމެންނަށް އެންގީ ސަފަކަށް އެތުރުމަށެވެ. އެއަށްފަހު ހަތިޔާރު އަޅައިގެން ތިބި ސިފައިންގެ ތިރީހަކަށް މީހުން އައިސް އެމީހުން ވަށާލައިފިއެވެ. އެންމެން ތިބީ، ސިފައިންގެ ލަޝްކަރުގެ މެދުގައެވެ. އިންޒާރު އައީ ކުރިއަށް ހިނގައިގަތުމަށެވެ. ޖަންގައްޔާ ދިމާއަށެވެ. ރޭގަނޑު ދަންވަރު ކަޅުފޮއި އަނދިރީގައި، އުނުއޮރިޔާން ނިވާނުވާ ހާލުގައި ތިބެ، ބޯ ޖަންގައްޔަކަށް ވަންނަން ޖެހުނީއެވެ. އެންމެ ބޮޑު ބިރުވެރިކަމެއް ވެރިވީ ހައްވާދިޔެގެ ހިތަށެވެ. އާދަނާ ކަންބޮޑުވީ، ހައްވާދިޔެ އެ ގޮތަށް ނިވާކަމެއް ނެތި، ޖަންގަލީތެރޭގައި އުޅެނިކޮށް ޖިންނި ޝައިޠާނަކު އަވަލައިފާނެތީއެވެ.
ސިފައިންގެ ލަޝްކަރުގެ މެދުގައި ތިބެ، ޖަންގަލީގެ އެއްވެސް އަލިކަމެއް ނެތް މަގަކުން، ފައިމަގުގައި ދަތުރަށް ފަށައިފިއެވެ. ގެންދަނީ ކޮން ތަނަކަށް ކީއްކުރަންކަމެއް ނޭނގެއެވެ. ލަފާކުރެވެނީ ޖަލަކަށް ކަމަށެވެ. ކަރުގައި އެޅުވި ފަށަކީ އެ ކަމުގެ ހެތްކެކެވެ.
ގާތްގަނޑަކަށް ދެތިން ހަތަރު ގަޑިއިރު ހިނގިފަހުން، ވަރަށް ދަންވެފައި ހުއްޓާ، އިމާރާތްކުރެވިފައިވާ ސަރަޙައްދަކަށް ދެވިއްޖެއެވެ. ދެތިން ހަތަރު އިމާރާތެއް އެ ތަނުގައި ހުރިނަމަވެސް އެއްވެސް، ކަހަލަ އަލިކަމެއް، މުޅި އެ ހިސާބުގައި ވެސް ނެތެވެ. ރަސްކަން ކުރަނީ ކަނު އަނދިރިކަމެވެ. ފަޅުކަމެވެ. ނާމާންކަމެވެ.
އެންމެން ގެންގޮސް ވެއްދީ، ތަންކޮޅެއް ދުރުގައި ހުރި، ބޮޑު އިމާރާތެއްގެ ފެންޑާއަށެވެ. އެންގީ ފެންޑާގެ ތަޅުންގަނޑު މަތީގައި އޮށޯވެ ނިދުމަށެވެ. ފާރައަށް ނުވަތަ ފޯރިއަށް ސިފައިންގެ ވިއްސަކަށް މީހުން ތިއްބެވެ.
ނިދާށޭ ބުންޏަސް ނިދޭނެ ހެއްޔެވެ؟ ނިދި ޖެހިލާއިރަށް ދެން ކުރިމަތި ކުރުވާނީ ކޮންފަދަ ނުރައްކާތެރި ކަމެއްކަން ވެސް އެނގެނީއެއް ނޫނެވެ. އެހެންކަމުން ނިދި އަޔަސް ނިދަން ނުކެރި، އެހެންނަމަވެސް ނިދިކަމަށް ހަދައިގެން އެންމެން ތިބީއެވެ.
ކޮންމެ މީހަކަށް ވެސް އޮންނާން ޖެހުނީ ސިފައިން އެންގި ތަނެއްގައި ކަމަށްވާތީ، އާދަނާއަށް އޮންނާން ޖެހުނީ ހައްވާދިޔެއާ ވަރަށް ދުރުގައެވެ. ހައްވާދިޔެ ގާތަށް ގޮސްލަން އާދަނާ ކިތަންމެ ވަރަކަށް ވެސް ބޭނުންވެއެވެ. ސިފައިންގެ ކިބައިން ހައްވާދިޔެއަށް މި ރޭ ލިބުނު އަނިޔާ، އޭނާގެ ލޮލަށް ފެނުނެވެ. އެ ތަނުގައި މިހާރުވެސް ވޭން އަޅާނެއެވެ. ރިހޭނެއެވެ. އެ ތަންތަނުގައި ފިރުމައިލަދޭން ކިތަންމެ ވަރަކަށް ވެސް އާދަނާ ބޭނުންވެއެވެ. އެހެންނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ އެންމެ ކުޑަމިނުން، ތަދުވޭހޭ އަހައިލާނެ ފުރުޞަތެއް ވެސް ނުލިބެއެވެ.
އެހަލަ ފިކުރުތަކެއްގައި ދެ ލޮލުން ކަރުނަ ނުހިކި އާދަނާ އޮތް އިރު، ހައްވާދިޔެގެ ހިތާމަ ވެސް އިންތިހާއަށް ބޮޑެވެ. އެ މީހުންގެ ފާރައަށް އެ ތިބީ އިންސާނިއްޔަތުކަމެއް ނެތް، ވަޚުޝީ ފިރިހެނުންތަކެކެވެ. އެ މީހުންގެ ކިބައިން ހައްވާދިޔެއަށް ނުރައްކަލެއް އަންނާނީ ކޮންއިރަކު، ކޮން ގޮތަކަށްކަމެއް ވެސް އެނގެނީއެއް ނޫނެވެ. ކިތަންމެ ވޭން ގަދަ އަނިޔާއެއް ލިބުނަސް، ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާކަށް އެކަކަށް ވެސް ނުކެރޭނެއެވެ. ދިއްކޮށްލައިފި އަތެއް ބުރިކޮށް ވައްޓައިލާނެއެވެ.
އެރޭ އާދަނާއަކަށް، ހައްވާދިޔެއަކަށް ހަމަ އެންމެ ލޮލުފިޔައެއް ވެސް ނުޖެހުނެވެ. އެހެން މީހުންނަށް ކޮންމެވެސް ވަރަކަށް ނިދާލެވުނެވެ. ބިރުން ތިއްބާ ވެސް ސިކުނޑީގެ މައްޗަށް ނިދި ވެރިވެގަނެ، އޭގެ ބާރުގެ ދަށަށް ގެންދިޔައީއެވެ. ނިންޖަށް ވެސް ބާރު ހިންގައި ނުލެވުނީ އާދަނާގެ ދެމަފިރިންގެ މައްޗަށެވެ.
އާ ދުވަހަކަށް ދުނިޔެ ނޭވާލައިފިއެވެ. އާ މަންޒަރުތަކާއި އާ ކުލަތައް އިންސާނުންގެ ލޮލަށް ދައްކަން ފަށައިފިއެވެ. އެ ގޮތުގެ މަތިން އަހަރެމެންގެ ނިކަމެތި ދިވެހިންކޮޅަށް ވެސް އައު ކުލަތަކެއް ދުނިޔެ ވަނީ ދައްކަން ފަށާފައެވެ. އަޅުވެތިކަމާއި ވޭނުގެ ކަޅު ކުލައެވެ. މިއަދު އެ މީހުން އެ ތިބީ ކޮންމެ ހައިސިއްޔަތަކުން ބެއްޔަސް، މިނިވަންކަން ގެއްލިފައެވެ. ޖަޕާނު ސިފައިންގެ އަޅުވެތިކަމުގެ ދަށުގައި ރަނގަޅަށް ހައްޔަރުވެފައެވެ.
އެ ބައިމީހުން ހައްޔަރުކޮށްފައި ތިބި ސަރަހައްދުގެ ހަމަ ކޮންމެ ގެއެއްގެ ވަށައިގެން ވެސް ވަނީ ދެ ފޫޓެއްހައި ފުން މިނަށް ވަޅުކޮނެ، އެ ތަނުން ނެގުނު ވެލިން ފަސްބާޑި ޖަހާފައެވެ. (ފަސްބާޑިއަކީ ބަޑީގެ އުންޑައިން ދިފާޢުވުމަށް ވެލިން ތައްޔާރު ކޮށްފައި ހުންނަ ނިވާފަތްގަނޑަށް ކިޔައި ނަމެކެވެ.) މިގޮތަށް ވަޅު ނުކޮނެ، ފަސްބާޑި ވެސް ނުޖަހައި ހުރި ހަމައެކަނި ގެއަކީ އެ މީހުން ތިބި ގެއެވެ. އެހެންކަމުން އެ މީހުންނަށް ކުރަން ޖެހުނު މަސައްކަތަކީ، ސިފައިންގެ ބެލުމުގެ ދަށުން އެ ގެ ވަށައިގެން ވަޅުކޮނެ ފަސްބާޑި ޖެހުމެވެ.
މި މަސައްކަތުގައި ހަވައްވާދިޔެ ފިޔަވައި އެންމެން ވެސް ބައިވެރިވާން ޖެހުނެވެ. ހައްވާދިޔެ ގިނަ ވަގުތު އިންނަނީ ގޭތެރޭގައެވެ. ކޮންމެހެން ނިކުންނަން މަޖުބޫރު ހާލަތެއް މެނުވީ، ބޭރަކަށް ނުނިކުމެއެވެ. ނިކުންނަން ނުކެރެނީއެވެ. ލަދުގަންނަނީއެވެ. އެއީ ދުވަހަކު އުޅުނު ގޮތެއް ނޫނެވެ.
ފަސްބާޑި ޖެހުމުގެ މަސައްކަތުގައި އެ ބައިމީހުން އުޅޭތާ ފަސް ދުވަސް ފާއިތުވެ ދިޔައިރު، މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ. ދެން ހުންނާނީ ގާތްގަނޑަކަށް އެއް ދުވަސް ނުވަތަ ދޮޅު ދުވަހުގެ މަސައްކަތެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް، އިރު އޮއްސުމުން މަސައްކަތް ހުއްޓާލުމަށްފަހު، އެންމެން ގޮސް ފެން ވަރައި ކައިގެން އޮށޯތީ ނިދާށެވެ. މިހާރު އެ މީހުން އެ ތިބީ ކޮންމެވެސް ވަރަކަށް އެ ދިރިއުޅުމަށް ވެސް ހޭނިފައެވެ. އިންސާނާ އުފެއްދެވި ފަރާތުން އުފައްދަވާފައިވާލެއް ފުރިހަމަކަމުގެ ހެތްކަކަށް މި ކަން ވެސް ފުދޭ ނޫންތޯއެވެ.
އެރޭގެ މެންދަމުން އަލިވެ އެއްގަޑިބައި އެހައިކަންހާއިރެވެ. ކުއްލިއަކަށް އިވުނު ގަދަފަދަ އަޑުފަށްގަނޑަކާ އެކު، އެންމެންނަށް ސިހިފައި ހޭލެވިއްޖެއެވެ. އެތަނުގައި ފޯރިއަށް ތިބި ސިފައިންނާއި އެހެނިހެން ސިފައިން ހަތިޔާރުތަކާ އެކު ޖަންގައްޔާ ދިމާއަށް ދުއްވައިގެންފިއެވެ. އިނގިރޭސި މަތިންދާ ބޯޓުތަކުން އެ ސަރަޙައްދަށް ބޮން އަޅަންފެށީއެވެ.
ލިބުނު ފުރުޞަތު ބަލާފައި ދިވެހީންގެ އެގާރަ މީހުން ވެސް ސަލާމަތްވުމުގެ ގަސްދުގައި ދުއްވައިގެންފިއެވެ. ހިތް ނަގައި އަތްމައްޗަށް ލައިގެންނޭ ބުނާ ހާލުގައެވެ. ހައްވާދިޔެގެ އަތުގައި ހިފައިގެން އާދަނާ ވެސް އެ މީހުންނާ އެކު، ދުވަމުން ދިޔައެވެ. ޖަންގަލީގެ ތެރެއިން އެއްގަމަށް ދެވޭން އޮންނަ މަގާ ދިމާއަށެވެ. އޭރުވެސް އިރުއިރުކޮޅުން އަޑުފަށްގަނޑު އަރައިގަނެއެވެ. މުޅި ހިސާބު ގުގުމައިގެން ދާއަޑާ އެކު، މުޅި ސަރަޙައްދު ގުޑައިގެން ވެސް ދެއެވެ. ސުންނާފަތިވެ ފުނޑުފުނޑުވެގެން ދަނީ ކޮންކޮން ތަންތަނެއްކަމެއް ނޭނގެއެވެ.
ދުވަމުން، ތެޅެމުން، ފޮޅެމުން ކަހަލަ ގޮތަކަށް ގޮސް އެ މީހުންނަށް ނިކުމެވުނީ، އެއްކަލަ މިސްކިތާ ދިމާއަށެވެ. ނަޞީބުގެ އަތުން ލަވަމުން ގެންގޮސް އެ ދިމާއަށް އެ މީހުން ނެރެދިން ކަހަލައެވެ. މިއީ ކުރިން ވެސް އެމީހުނަށް އެންމެ ބޮޑު ރައްކާތެރިކަމަކާއި ހިމާޔަތެއް ލިބުނު ތަނެވެ. މި ފަހަރުވެސް ﷲގެ ރަހުމަތްފުޅުން، އެ މީހުންނަށް އެ ތަނަށް އެ ވަނީ އާދެވިފައެވެ. އެ ތަނުގައި ދިރިއުޅޭ މުސްލިމުންގެ އެހީތެރިކަން މި ފަހަރުވެސް ވަރަށް ރަނގަޅަށް އެ މީހުންނަށް ލިބުނެވެ. އުނުއޮރިޔާން ނިވާކުރާނޭ އަންނައުނާއި ކާބޯތަކެއްޗާއި ފެންވަރައި ނިދޭނޭގޮތް ހަމަޖައްސައި ދިނެވެ.
އެ ތަނުގައި އެ މީހުން ތިބިކަން ފުރަތަމަ ދުވަހު ވެސް ޖަޕާނު ސިފައިންނަށް އެނގިއްޖެއެވެ. އެހެންނަމަވެސް އެ މީހުން އެ ކަމަކާ އަޅައެއް ނުލިއެވެ. އެހެންކަމުން ކުރީ ފަހަރަށްވުރެ މި ފަހަރުގެ ބިރުވެރިކަން ކުޑައެވެ. އެހެންނަމަވެސް ކުރިއަށް އޮތީ ކޮންފަދަ މުޞީބާތްތަކެއް ކަމެއް ނޭނގެއެވެ. ކުކުޅު ހާ ވެސް ކާންދީ މަސްފަލަ ކުރަނީ، އެއާ މެދު މާ ބޮޑު ހަމްދަރުދީއެއް، ލޯތްބެއް އޮވެގެނެއް ނޫނެވެ. ބޭނުން ޖެހުނީމާ ކަތިލައިލައިގެން ކައިލުމަށް ޓަކައެވެ. އެ ފަދަ ކަމަކަށް މި ކަން ނުވާނެ ބާވައެވެ؟
ކޮންމެއަކަސް މުސްލިމުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ހިޔާވަހިކަމުގައި ތިބޭތާ ނަވާރަ ދުވަސް ފުރިހަމަވެއްޖެއެވެ. މިއަދަކީ ވިހިވަނަ ދުވަހެވެ. މެދުރުފަހުގެ ވަގުތެވެ. ކައިގެން އަރާމުކޮށްލުމަށްފަހު، އަޞުރުނަމާދަށް ދިޔުމަށް ޓަކައި އެންމެން ތައްޔާރުވަމުން ދަނިކޮށް، ކުއްލިއަކަށް ފުލުހުންގެ ފައުޖެއް އައިސް، އެ ތަނަށް ވަދެއްޖެއެވެ. އޯޑަރު އައީ ތައްޔާރުވެގެން ވަގުތުން ބޭރަށް ނިކުތުމަށެވެ. މި ތަނަށް ކަނޑައެޅިފައިވާ ވަގުތުގައި ފަހު ސިއްކަ ޖެހުނީއެވެ. ލަހެއް ފަހެއް ކުރެވޭކަށް ދެން ނޯންނާނެއެވެ. ހެދޭނެ ގަދައެއް ދެއްކޭނެ ބަހަނާއެއް އަމުދުން ނޯންނާނެއެވެ. ތެޅިތެޅި އޮތް ހިތަކާ އެކު، ކޮންމެ މީހަކު ވެސް އެ ތަނުން ނިކުމެއްޖެއެވެ. އެންމެ ފަހުން ނިކުތީ އާދަނާއާއި ހައްވާދިޔެއެވެ. އާދަނާ ހުރީ ހައްވާދިޔެގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ކޮންމެ ފަދަ ހާލެއް ޖެހުނަސް، ދޫނުކުރަން ޢަޒުމު ކަނޑައަޅައިގެން ހުރި ކަހަލައެވެ.
ފުލުސް އޮފީހަށް ގެންދިޔުމަށްފަހު، މާ ގިނަ ވަގުތުތަކެއް އެ ތަނުގައި ހޭދަކުރާކަށް ނުޖައްސައެވެ. ސުވާލުކުރުމެއް، ކަމެއް އޮޅުންފިލުވުމެއް ވެސް ނެތެވެ. ކުޑަ އިރުކޮޅަކު އެ ތަނުގައި ބައިތިއްބާފައި، އެންމެން ސަފަކަށް އަތުރާލައިގެން، ގެންދިޔައީ ބަނދަރުގައި އޮތް ބޯޓަކަށެވެ. އެއީ މާ ބޮޑު ބޯޓެއް ނޫނެވެ. މަނަވަރަކާ އެއްކަހަލަ ގޮތަކަށް ހަދާފައި އޮތް ދުއިސައްތަ ވަރަކަށް މީހުންގެ ޖާގައިގެ ބޯޓެކެވެ. ބޯޓުގެ ވަށައިގެން ހުރީ މެޝިނު ބަޑި ބަހައްޓާފައެވެ. ބޯޓުތެރެއިން ފެންނަނީ މުޅިން ވެސް ޖަޕާނު ސިފައިންނެވެ. އެހެންނަމަވެސް މާ ގިނަ ސިފައިންނެއް ނުފެނެއެވެ. ދިހަ ވަރަކަށް ފަނަރަ ވަރަކަށް މީހުންނަށްވުރެ ގިނަ ވާނޭ ކަމަކަށް ލަފައެއް ނުކުރެވެއެވެ.
އެންމެން ބޯޓަށް އަރުވައިފިއެވެ. ފަހަރަކު މީހެކެވެ. ގެންގޮސް ވެއްދީ، ބޯޓުގެ އަޑީގައި ތައްޔާރުކޮށްފައި ހުރި ކޮޓަރިއަކަށެވެ. އެ ކޮޓަރީގައި ތިބޭއިރު، ބޭރެއް ނުފެނެއެވެ. ކުޑަދޮރެއް، ކިޑިކީއެއް އާންގައެއް ވެސް ކަނޑާފައި ނެތީމައެވެ. ހަ ފަރާތުން ވަނީ ބެދިފައެވެ. އެ ތަނުގައި އެންމެން ބޭނުންކުރަން އެއް ފާޚާނާ ހުރެއެވެ. ކާން ގެންނަނީ ވެސް އެ ކޮޓަރިއަށެވެ. ކެއުން އާދައިގެ ގޮތެކެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ބަނޑަށް އެނގުންވާ ވަރަށް އެއްޗެއް އަރުން އެތެރެއެއް ނުކުރެވެއެވެ. އެންމެން ވެސް ތިބީ، ހާސްކަމެއްގެ ތެރޭގައެވެ. ވާން މި އުޅެނީ ކީއްކަމެއް ނޭނގޭތީ ކަންބޮޑުވެފައެވެ. ގެންދަނީ ކޮންތަނަކަށްކަން ނޭނގޭތީ ހިތް ނުތަނަވަސްވެފައެވެ.
ދަތުރު ކުރަމުން ދާއިރު، އެކި ތަންތަނުގައި މަޑުކުރާކަން އެނގެއެވެ. އެހެންނަމަވެސް މަޑުކުރަނީ ކޮން ތަނެއްގައި ކަމެއް، ކުރަނީ ކީއްކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ބައެއް ތަންތަނުގައި މަޑުކޮށްފައި މާ ގިނައިރެއް ނުނަގައެވެ. އަނެއްބައި ތަންތަނުގައި ތިން ހަތަރު ގަޑިއިރު ވެސް ހޭދަވެއެވެ.
ދަތުރު ކުރާތާ ފަސްވަނައަށް ވީ ދުވަހު، ވަރަށް ހެނދުނާ އަނެއްކާ ވެސް ބޯޓު ބަނދަރު ކޮށްފިއެވެ. އެންމެންނަށް އެންގީ ނިކުތުމަށެވެ. ފަސް ދުވަހަށްފަހު، އުޑުމަތި ބަލައިލައި، ޖައްވުގެ ފިނިވައިގައި ޖެހިލުމުގެ ނަޞީބު ލިބިއްޖެއެވެ. އޭރު ބޯޓު އޮތީ ރަށެއްގެ ފާލަމުގައި ބަނދެލާފައެވެ. ފެންނަ ފެނުމަށް ބޮޑު ރަށެކެވެ. ކުރިން ފެނުނު ރަށްރަށާ އަޅައި ބަލާއިރު މާ ބޮޑަށް ވެސް ތަރައްޤީވެ ކުރިއަރާފައިވާ ރަށެއްހެން ހީވެއެވެ.
ރަށާ ދިމާއަށް މާ ގިނައިރު ބަލައިލުމުގެ ނަޞީބެއް އެކަކަށް ވެސް ނުލިބުނެވެ. ކަޅު ފޮތިގަނޑު ތަކަކުން ފަހަރަކު މީހެއްގެ މޫނު ބަނދެފިއެވެ. އާއެކެވެ. އެންމެންގެ ކަނުބަނީއެވެ. ތޭރަ ދިވެހިން ބޯޓުން ބޭލީ އެ ގޮތަށް ކަނުބަނދެފައި ބައިތިއްބައިގެންނެވެ.
ބޯޓުން ބައިލައިގެން އެންމެން ގެންގޮސް އެރުވީ ލޯރިއަކަށެވެ. ނުވަތަ އެ ފާޑުގެ އެއްގަމު އުޅަނދަކަށެވެ. އެއާއެކު ދަތުރަށް ފަށައިފިއެވެ. ދުއްވަމުން ދިޔައީ ވަރަށް ހަލުއި ދުވެއްޔެއްގައެވެ. ދަތުރުކުރަމުން ދިޔައިރު، ތިން ތަނަކަށް މަޑުކުރިއެވެ. ކުރިކަމެއް ނޭނގެއެވެ.
ކުރެވުނީ ވަރަށް ދިގު ދަތުރެކެވެ. ގާތްގަނޑަކަށް ހަ ގަޑިއިރުގެ ދިގު ދުއްވުމަކަށްފަހު، ލޯރި މަޑުކޮށްފިއެވެ. އެއަށްފަހު ފަހަރަކު މީހަކު ވަކިވަކިން އެއިން ބާލަން ފަށައިފިއެވެ. ބާލައި ކޮންމެ މީހަކު ވެސް ގެންގޮސް ވައްދަނީ، ބޮޑު ޖަލަކަށެވެ. ޖަލުގެ ގޮޅިއަށް ކޮށްޕައިލަމުން، މޫނުމަތީގައި އައްސާފައި އޮތް ފޮތިގަނޑު ދަމައިގަނެއެވެ. ހަމައެއާ އެކު ލައިގެންތިބި ހެދުން ވެސް ދަމައިގަނެ، އޮރިޔާންކޮށްލައެވެ. އަންނަން ދިނީ ކުރީ ފަހަރު ވެސް ދިން ވަރުގެ ކުޑަ ފޮތިކޮޅެކެވެ. މި ފަހަރު ކޮންމެ މީހަކު ގެންގޮސް ވެއްދީ ވަކި ގޮޅިއަކަށެވެ.
މި ޖަލަކީ ރަށުގެ މީހުން ދިރިއުޅޭ ހިސާބު ގޮސް ނިމޭ ހިސާބުގައި އޮތް ވިއްސަކަށް ރިޔަނުގެ ފުޅާމަގެއްގެ އެއްފަރާތުގައި ހުރި ޖަލެކެވެ. ޖަލުގެ ގޮޅިތައް ހުރީ އެއްފައްޗަކަށެވެ. ކޮންމެ ގޮޅިއެއްގެ ބޮޑުމިނުގައި ހުންނާނީ ގާތްގަނޑަކަށް ހަތް ފޫޓު ހަތަރު ފޫޓެވެ. އުސްމިނުގައި އަށެއްކަ ފޫޓު ހުންނާނެއެވެ. ޖަލުގެ ކޮންމެ ގޮޅިއެއްގެ ވެސް ދޮރުފަތް ހުރީ އެއް ފަތަށް ވާ ގޮތަށެވެ. ތިރިން މައްޗަށް ދެ ފޫޓު ބަޔަށް ހުރީ ދަގަނޑު ފިލާ ޖަހާފައެވެ. އޭގެ މަތީގައި ހަ އިންޗި ހަ އިންޗިން ދަގަނޑު ތޭރި ޖަހާފައެވެ. އެހެންކަމުން ގޮޅީގައި ހުންނަ އިރު، ވަރަށް ރީއްޗަށް ބޭރު ފެންނާން އޮވެއެވެ. ރަށުގެ އުސް އިމާރާތްތަކެވެ. ބޮޑުމަގުން ހިނގާ ބިނގާވެ އުޅޭ، ރަށުގެ އަހުލުވެރިން ވެސް ފެނެއެވެ.
ޖަލުގެ ފޯރިއަށް މުޅިން ވެސް ތިބޭތަން ފެންނަނީ ޖަޕާނުގެ ހަތިޔާރު އެޅި ސިފައިންނެވެ. ކޮންމެވެސް ވަރަކަށް ކަޅު ނަސްލުގެ ސިފައިން ވެސް ފެނެއެވެ. އެހެންނަމަވެސް ވަރަށް މަދުންނެވެ.
ދިވެހީންގެ ތޭރަ މީހުން، ޖަލުގެ ތޭރަ ގޮޅީގައި ހައްޔަރުކޮށްފިއެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. އާދަނާއާއި ހައްވާދިޔެގެ ހާލު އެހެން މީހުންނަށް ވުރެ ބޮޑެވެ. ދެމަފިރިންނަށްވެ ތިބެ، ދެ މީހުން ދެ ގޮޅީގައި ހައްޔަރުވެ ތިބެން ޖެހުމުން، ކުރެވޭނެ ހިތްދަތި އެންމެހައި އިޙުސާސްތައް، އެ ދެމަފިރިން ގެންދަނީ ކުރަމުންނެވެ. ލޮލަކުން ކަރުނައެއް ނުހިކެއެވެ. އެކެއްގެ ހާލެއް އަނެކަކަށް ނޭނގޭތީއެވެ. ކުރިމަތިވާ ކަންކަތައްތަކެއް އަމުދުން އިހުސާސްކޮށްލަން ވެސް ނޭނގޭތީއެވެ.
އެ ދުވަހުގެ ހަތަރު ދަމު އެ މީހުނަށް ތިބެން ޖެހުނީ ބަނޑަށެވެ. ކައި އެއްޗެއް ނުލިބުނީއެވެ. ޖަލުގެ ކެއުން އޮންނަ އުޞޫލަކީ ކޮބައިކަމެއް، ކާން ލިބޭނީ ކޮން ކަހަލަ އެއްޗެއްކަމެއް ވެސް އަދި ނޭނގެއެވެ. ރޭ ބޯޓުން ކެއި އެއްޗަކުން ލިބުނު ހަކަތައިގެ އެހީގައި، އެ މީހުން ވަގުތު ހޭދަކުރަމުން ގެންދިޔައިރު، ކޮންމެ މީހަކު ވެސް ވަނީ އިންތިހާއަށް ބަނޑުހައިވެފައެވެ.
ކައި އެއްޗެއް ލިބުނީ އެ ރެއަށް އިރު އޮއްސުނު ފަހުންނެވެ. ފެންބަތް ގުޅައަކާއި ލޮނު ކޮޅެކެވެ. ހޫނު ފެންތައްޓަކާއި ގޫޑު ހަކުރު ކޮޅެކެވެ. ކޮންމެ މީހަކު ވެސް، މަރަށް ފުރާނައަށް އެތިކޮޅެއް އެތެރެކޮށްލިއެވެ. ކައި އެއްޗެއް ލިބެން ހުރެ، ބަނޑަށް މަރުވުމަކީ، އަމިއްލައަށް މަރުވުން ފަދަ ކަމަކަށް ނޫނީ ނުވާނެއެވެ. އެއީ ނުފުއްސަވާނެ ބޮޑު ފާފައެކެވެ. އެހެންނޫން ނަމަ، އެ މީހުން ކައި އެއްޗެއް ނުކެއީހެވެ. މިއަށްވުރެ މަރުވުން ވެސް ހިތަށް ފަސޭހަވާނެއެވެ.
އެ ރޭ ވަރަށް ދަންވިފަހުން، ފަހަރަކު މީހަކު ފުލުސް އޮފީހަށް ގެންދާން ފަށައިފިއެވެ. ފުރަތަމަ ގެންދިޔައީ އެޅެފުތާގެ އަލިފުތާއެވެ. އަލިފުތާ ގެންދާތަން ފެނުމާ އެކު، އެންމެން ދޮރު ކައިރިއަށް އައިސް، ދެ ތޭރީގައި ދެ އަތުން ހިފަހައްޓައިގެން ތިބެ އެ ތަން ބަލަން ފެށިއެވެ. ހިތްދަތި މަންޒަރެކެވެ. އަލިފުތާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އޭނާގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމެވެ. ހާސްކަމާއި ބިރުވެރިކަމެވެ.
އާދަނާއަށް ވެސް މި ކަން އެނގިގެން އަވަސް އަވަހަށް ދޮރު ކައިރިއަށް އައެވެ. ހައްވާދިޔެ ފެނިލުމުގެ ނަޞީބު ލިބޭތޯއެވެ. މިއަދު ހަތަރު ދަން ކަހަލަ ގޮތަކަށް އެ ދިޔައީ އެކަކު އަނެކަކަށް ފެނި ވެސް ނުލައެވެ. އުޅޭހާލެއް ނޭނގެއެވެ. ކޭކަމެއް ނުކައި ކަމެއް ވެސް ނޭނގެއެވެ.
އަލިފުތާ ފުލުސްއޮފީހަށް ގެންގޮސް ވައްދާފައި، ފަސްވަރަކަށް މިނެޓު ފަހުން ގެނެސް ގޮޅިއަށް ލައިފިއެވެ. ދެން ގެންދިޔައީ މާތޮޑާ ރެކިފުތާއެވެ. މާގިނައިރެއް ނުވެ، ގެނެސް ގޮޅިއަށް ވައްދައިފިއެވެ. މި ފަހަރު އާދަނާއެވެ. އާދަނާ ގޮޅިން ބޭރަށް ނެރުމާ އެކު، ފުރަތަމަވެސް އެކި ގޮޅިތަކަށް ވަކިވަކިން ކަޅި ހިންގައިލެވުނެވެ. މަނާކަމެއްކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް ހައްވާދިޔެ ދެކިލުމަށް އޭނާގެ ދެ ލޯ ކުރާ އިންތިޒާރު ވަނީ ކޮޅުން ލާފައި ކަމަށްވާތީ، އެ ހަރަކާތް ގެނެވުނީއެވެ.
ކޮންމެ ގޮޅިއެއްގެ ތެރޭގައި ވެސް، ވެރިކަން ކުރަމުން ގެންދަނީ އަނދިރީގެ ކަޅު ބިރުވެރި ލަޝްކަރެވެ. އެހެންކަމުން ގޮޅީތެރޭގައި ތިބޭ މީހުންނެއް ނުފެނެއެވެ. އެ ގޮޅީގައި ކާކުކަމެއް، މި ގޮޅީގައި ކާކުކަމެއް ނޭނގެއެވެ. އެހެންކަމުން ހައްވާދިޔެ ދުށުމުގެ ނަސީބެއް އާދަނާއަކަށް ނުލިބުނެވެ.
ދެ ލޮލުން ކަރުނަ އޮހޮރޭހާލު، އާދަނާ ފުލުސް އޮފީހާ ދިމާއަށް ދިޔައެވެ. އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި ސިފައިންގެ މީހާއާ އެކުގައެވެ. ދެތިން ހަތަރު ފިޔަވަޅު އެޅުނުތަނާ، އޭނާގެ ކަންފަތުގައި ޖެހުނީ، އޭނާގެ ނަމުން މީހަކު ގޮވައިލި އަޑާ އެކު، ރޮއިގަތް އަޑެވެ. އަޑު އައީ ތަންކޮޅެއް ދުރުން، ގޮޅިތައް ހުރި ދިމާއިންނެވެ. އެހެންނަމަވެސް އެ އަޑު ކަންފަތުގައި ޖެހުމާ އެކު، އެއީ ހައްވާދިޔެގެ އަޑުކަން އާދަނާއަށް ކަށަވަރުވިއެވެ. އެ އަޑެއް އޭނާއަކަށް ނޯޅޭނެއެވެ.
ހައްވާދިޔެގެ އެ ހިތްދަތި، ވޭންދެނިވި އަޑު ކަންފަތުގައި ޖެހުމާ އެކު، އާދަނާއަށް ވީ ގޮތް ވެސް ނޭނގުނެވެ. އޭނާގެ ފިޔަވަޅަށް ވަގުތުން ހުއްޓުންއެރިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނީއެވެ. އޭނާއަށް ބޭއިޚުތިޔާރުގައި އަޑު އައި ދިމާއަށް އެނބުރި ބަލައިލެވުނެވެ. ގޮޅިތައް ވަނީ އަނދިރީގެ އަނިޔާވެރި ފަރުދާގެ ފުރަގަހުގައި ހައްޔަރުވެފައެވެ، އެހެންކަމުން ހައްވާދިޔެ އޮތް ހާލެއް، އާދަނާއަކަށް ލަފާ ވެސް ކޮށްނުލެވުނެވެ.
އާދަނާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. އޭނާ ބޭނުންވީ އެ ދިމާއަށް ދުއްވައިގަންނާށެވެ. ހައްވާދިޔެ ގާތަށް ދާށެވެ. ހައްވާދިޔެގެ ދެ ލޮލުން މިހާރު ކަރުނަ އޮހެމުންދާނެއެވެ. އެ ކަރުނަތައް ފޮހެލައިދޭން އޭނާ ހުރީ ކެތްމަދުވެފައެވެ. ހައްވާދިޔެގެ ހިތުގައި އަޅަމުންދާ ވޭން ލުއިކޮށްދޭން ހިތް އެދި ގޮވަނީ މާ ބާރަކަށެވެ.
އެ ކަމަށް އެދުންވެރިކަން އޮތްލެއް ބޮޑުކަމުން، އާދަނާއަށް އެ ދިމާއަށް ފިޔަވަޅެއް އެޅުނެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި، ސިފައިންގެ މީހާގެ އަތުގައި އޮތް އެއްތެޔޮގަނޑުގެ ހޫނު އެތިފަހަރެއް އޭނާގެ ބުރަކަށްޓަށް އަރައިފިއެވެ. ވީ ތަދާ އެކު ވަގުތުން އޭނާ މައިތިރި ވެއްޖެއެވެ. ދެ ލޮލުން އޮހިގަތް ކަރުނައާ އެކު ހިތާއި މޭ ފުނޑުފުނޑުވެ ކުދިކުދިގެން ކުދިކުދިވެގެން ފޭބި ކަހަލައެވެ.
އާދަނާ ފުލުސް އޮފީހާ ދިމާއަށް ހިނގާފައި ދިޔައިރު ވެސް، އޭނާގެ ކަންފަތުގައި ގުގުމާފައި ހުރީ، ހައްވާދިޔެގެ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. އެ ރުއިމާއި ގިސްލުމުގެ އަޑާ އެކުވެގެން އޭނާގެ ނަމުން ގޮވާއަޑެވެ.
ފުލުސް އޮފީހުން ނެރެގެން އާދަނާ ގެނެސް ގޮޅިއަށް ވެއްދުމަށްފަހު، ދެން ގެންދާތަން ފެނުނީ ހައްވާދިޔެއެވެ. ހަމައެކަނި އުނަގަނޑުން ތިރި ނިވާކޮށްލެވިފައި ހުރި ހައްވާދިޔެގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންދިޔަގޮތް ފެނިފައި، އާދަނާއަށް ހަމަ ރަނގަޅަށް ވެސް ރޮއިގަނެވުނެވެ. ބާރަށެވެ. އެހެންނަމަވެސް އެ އަޑު އެއިން އިފުރީތެއްގެ ކަންފަތާ ހަމައަށް ފޯރަފާނެތީ ވަރަށް ކެތްކުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އަތުގެ ބަނޑުފުށުގައި ބާރަށް ދަތްއެޅީ ނުރޮއި ހިފެހެއްޓޭތޯއެވެ.
ފަހަރަކު މީހަކު ގެންގޮސް ހުރިހާ މީހުން ނިމުނީއެވެ. ކޮންމެ މީހެއްގެ ގާތުގައި އަހަނީ އަމިއްލަ ނަމާއި ގައުމުގެ ނަމެވެ. އެ މައުލޫމާތު ނޯޓުކުރުމަށްފަހު، ކަރުގައި ނަންބަރު ފޮއްޗެއް ހަރުކޮށްފައި އޮތް ފަށެއް އެޅުވުމަށްފަހު، އިތުރު ސުވާލެއް ނެތި ގޮޅިއަށް ފޮނުވައިލަނީއެވެ.
އެ ރެއަކު އާދަނާއަކަށް، ހައްވާދިޔެއަކަށް ހަމަ އެންމެ ލޮލުފިޔައެއް ވެސް ނުޖެހެއެވެ. ހިތުގައި އަޅައި ވޭނެއްގެ ބޮޑުކަމުން، ބޮލުގައި ގަދައަށް ރިހެނީއެވެ. ހައްވާދިޔެގެ ބޮލާއި މޭގައި ވެސް ރިހެއެވެ. އެހީއެއް ވާނެ މީހަކު ނެތެވެ. އޮށޯވެ އޮންނަން އުނދަގޫވީމާ ތެދުވަނީއެވެ. ތެދުވެ ހުންނަން ދަތިވީމާ އިށީންނަނީއެވެ. މިފަދަ ހާލެއްގައި ތެޅިތެޅި ތިއްބާ، އެ އަނިޔާވެރި ރެއަށް ވެސް ނިމުން އަތުވެއްޖެއެވެ. ﷲގެ ރަހުމަތް ފުޅާ އެކު މި އަނިޔާވެރިކަމަށް ވެސް އަދި ނިމުން އަންނާނެއެވެ.
އަނެއްދުވަހުގެ ހެނދުނު ހަތެއް ޖެހިތަނާ ކަހަލަ ގޮތަކަށް ކާން ގެނެސްފިއެވެ. ހަމަ ކުރީރޭގެ ކެއުމެވެ. ތަފާތެއް ނެތެވެ. ރަހައަކުން ރަހައެއް ނުލައެވެ. ބަނޑުފުރާނަ މުއްތިކުރަން ޖެހޭތީ ކޮންމެ މީހަކު ވެސް އެތިކޮޅެއް ކައިލީއެވެ.
ކައި ނިމުނުތާ ގިނައިރުތަކެއް ނުވެއެވެ. ތަޙުޤީޤު ފެށިއްޖެއެވެ. ސިފައިން ތިބޭ ގޭގެ ބޮޑު ފެންޑާގައެވެ. ފެންޑާގައި ބޮޑު މޭޒެއް ބައްޓާފައި، އެއް ފަރާތުގައި ތިން ގޮނޑި ބަހައްޓާފައި ހުއްޓެވެ. ދެ ކޮޅުގައި ދެ ގޮނޑިއެވެ. އެއިން ކޮންމެ ގޮނޑިއެއްގައި ސިފައިންގެ އޮފިސަރަކު އިނެވެ. މޭޒުގެ އަނެއް ފަރާތް ހުރީ ހުސްކޮށެވެ. ގޮނޑިއެއް ވެސް ނެތެވެ.
ތަޙުޤީޤަށް ގެންދިޔައީ ފަހަރަކު މީހެކެވެ. ފުރަތަމަ ގެންދިޔައީ ވާދޫ އާދަނާއެވެ. ޒުވާނެކެވެ. ތަޙުޤީޤުގެ ސުވާލުތައް ކުރިމަތި ކުރަން ފަށައިފިއެވެ. ކުރީ ފަހަރުގެ ތަޙުޤީޤުހެން “މޯލްޑިވްސް” “އައްޑު އަތޮޅު” މިނޫނީ ކިޔާ ހަމަ އެކައްޗެއް ވެސް ނޭނގެއެވެ. އެހެންކަމުން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ސިފައިންގެ ރުޅި އިންތިހާއަށް ދަނީ ޖަވާބު ނުދެވުމުންނެވެ. ވަގުތުން އަދަބުދޭން ފަށައިފިއެވެ. ފުރަތަމަވެސް އުނަގަނޑުގައި އޮޅާލާފައި އޮތް ފޮތިކޮޅު ދަމައިގަތީއެވެ. އެއަށްފަހު އަތްދަމާފައި ޖެހުނު ތަނެއްގައި އަޅައި ވިހެލައިފިއެވެ. ބަނޑުކޮޅުގައި ކޮޅުފައިން ވެސް ޖެހިއެވެ. ހިތުހުރި ވަރެއް ކޮށްފައި، ގެންގޮސް ގޮޅިއަށް ލައިފިއެވެ. ދެން ދެވަނަ މީހާއެވެ.
އެ ދުވަހުގެ ތަހުގީގު ނިމުނު އިރު، އެގާރަ ޖަހަން ވެއްޖެއެވެ. ތަހުގީގުން ލިބުނު ކުރިއެކުމަކީ ކޮންމެ މީހަކަށް ވެސް ބޮޑެތި އަނިޔާތައް ލިބުމެވެ. އުފަން ހާލު ޖެއްސުމެވެ. މިހާރު ދިވެހިން ތޭރަ ގޮޅީގައި ތިބި ތޭރަ ދިވެހީން ތިބީ، އުފަން ހާލުގައެވެ. އުނު އޮރިޔާން ނިވައިކޮށްލާނެ ހަމަ އެއްވެސް ފަދައެއް ނެތިފައެވެ.
މި ގޮތަށް ތަހުގީގު ނޯންނަ ހަމަ އެއް ދުވަސް ވެސް ނުދެއެވެ. މާނައަކީ އަނިޔާތަކެއް ނުލިބޭ ދުވަހެއް ނުދެއެވެ. ޚާއްޞަކޮށް ތިން ދުވަހުން އެއް ދުވަހަކީ އަދަބު ބޮޑުވާ ދުވަހެކެވެ. އެއީ ސިފައިންގެ ޑިއުޓީ ބަދަލުވާ ދުވަސްކަމަށް ވާތީއެވެ.
ތަޙުޤީޤަށް ގެންދާއިރު ވެސް، ފާޚާނާއަށް ގެންދާއިރު ވެސް، ކޮންމެ މީހަކު ވެސް ހުންނާންޖެހެނީ ހެއްދެވި ގޮތަށެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ބަލަނީ އަނެކާއާ ދިމާއަށް ނުބަލައި ވޭތޯއެވެ. މިނޫން ކަމެއް ކުރެވޭކަށް ނޯންނާނެތާއެވެ.
ތަޙުޤީޤުގައި އެކި މީހުންނަށް ދޭ ތަފާތު އަދަބުތަކުގެ ތެރޭގައި އަތާއި ފައިން ތެޅުމާއި ހިމަ ދަގަނޑު ޗާބޫކު ފަދަ ތަކެތިން ތެޅުމުގެ އިތުރުން، ކޮޅަށް ޖަހާފައި ހުންނަ ބޮޑެތި ދަގަނޑަށް ހަތަރެސްފައި ދަމައި ބަނދެ، އުނަގަނޑާއި ބުރަކަށީގައި ދުއްރައިން ތެޅުން ހިމެނެއެވެ. މީގެ އިތުރުން ހިމަ ދަގަނޑު މަތީގައި އިދިފުށަށް ލަނބާފައި ވެސް ބާއްވަފާނެއެވެ. އެކޮޅުކޮޅުން އެލުވާފައި ވެސް ބާއްވަފާނެއެވެ. މި ފަދަ އެތައް އަދަބެއް ލިބެމުން ދެއެވެ.
މި ފަދަ ގޮތަކަށް ދުވަސްތައް ވޭތުވަމުން ގޮސް، މަހެއްހައި ދުވަސް ވޭތުވެ ހިނގައްޖެއެވެ. ކުރާ އަނިޔާއަކަށް ބަދަލެއް ނާދެއެވެ. އެހެންކަމުން ދިވެހިންގެ ހަށިތައް ނިކަމެތި ވަމުން، ބަލިކަށިވަމުން އައީ ވަރަށް ހަލުވިކަމާ އެކުގައެވެ.
މިހާދުވަސް ވީއިރު ފާހަގަ ކޮށްލެވުނު އެއް ކަމަކީ އުމުރުން ފަސްދޮޅަސް ފަސް އަހަރުގެ އަލިބެއްޔާ އާދަޔާޚިލާފަށް ގިނައިން ތަޙުޤީޤަށް ގެންދާކަމެވެ. ސަބަބަކީ އޭނާ އަކީ އުމުރުން ދުވަސްވެފައިވާ މީހަކަށްވުމުން، ޖަޕާނު ސިފައިން ކުރާ ސުވާލުތަކަށް އޭނާއަށް ޖަވާބު ދޭން އެނގޭނޭ ކަމަށް ހީކުރުމެވެ. އެހެންނަމަވެސް ކަންތައް ދިމާވަމުން އައީ، އެ މީހުން ހީކުރި ގޮތަކަށް ނޫނެވެ. އަލިބެއްޔާއަކަށް ވެސް އެ މީހުން ކުރަނީ ކޮން ސުވާލެއްކަމެއް، ޖަވާބުދޭނީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަތީޖާއަކަށްވީ އެހެން މީހުންނަށްވުރެ ގިނައިން އަލިބެއްޔާއަށް އަނިޔާ ލިބެމުން ދިޔުމެވެ.
އެއް ދުވަހެއްގެ މެންދުރު ކުރިއެވެ. އާދައިގެ މަތިން އަލިބެއްޔާ ތަޙުޤީޤަށް ގެންގޮސްފިއެވެ. އެ މީހުން ކުރާ އާންމު ސުވާލުތައް އަލިބެއްޔާއާ އަނެއްކާވެސް އަމާޒުކޮށްފިއެވެ. އަމިއްލަ ހާލައިގެން ކޮޅަށް ހުންނަން ވެސް ދަތިވެފައިވާ ހާލު، އެ މީހުންނާ ދިމާއަށް ބަލަން އަލިބެއްޔާއަށް ހުރެވުނީއެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ކިޔައި އެއްޗެއް އެނގެނީއެއް ނޫނެވެ.
ސިފައިންގެ އޮފިސަރު، އަލިފާންވެ ހުރެ، ފުންމައިގެން ތެދުވެއްޖެއެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަންނަމުންނެވެ. އަލިބެއްޔާގެ ކަންކަށި މައްޗަށް އެތިފަހަރެއް އަރުވާލައިފިއެވެ. އެއަށްފަހު ބޭރަށް ނެރެ، އަދަބުދޭން ކަނޑައަޅާފައިވާ ސަރަޙައްދަށް ގެންގޮސްފިއެވެ. އެ ތަނުގައި މީސްމީހުންނަށް އަދަބުދޭއިރު، ގޮޅިތަކުގައި ތިބޭ އެންމެންނަށް އެއްވެސް ހުރަހެއް ނެތި އެ މަންޒަރު ފެންނާނެއެވެ. ކުރާ އަނިޔާއަށް ކެތް ނުކުރެވިގެން ރޮއި ހޭރޭ އަޑު ސާފުކޮށް އިވޭނެއެވެ. ބަލި ހިތްތަކަށް ކެތްކުރަން ދަތި، މަންޒަރަކަށް، އަޑަކަށް އެކަން ވެގެންދެއެވެ.
އަލިބެއްޔާ ނެރެ ހަތަރު ވަރަކަށް ފޫޓު ދުރުމިނުގައި ޖަހާފައި ހުރި ދެ ދަގަނޑުގެ ދެމެދުގައި ކޮޅަށް ބަހައްޓައިފިއެވެ. ގޮޅިތަކުގައި ތިބި އެންމެން ތިބީ އެ މަންޒަރު ބަލާށެވެ. ނޭވާ ހިފަހައްޓާލައިގެންނެވެ. ކުރަން އެ އުޅެނީ ކީއްކަން ނޭނގޭ އެކަކު ވެސް ނެތެވެ. އެއީ އައު ކަމެއް ނޫނެވެ. އެ ފަދަ މުސްކުޅި މީހަކަށް އެހައި ވަރުގަދަ އަނިޔާއެއް ދޭން ކެރޭނެ ބާވައެވެ؟
އަލިބެއްޔާގެ ހަތަރެސްފައި ދަމައި ދުރުކޮށް ދެ ދަގަނޑުގައި ބާރަށް އައްސައިފިއެވެ. އެއަށްފަހު ބޮޑު ދުއްރައެއް ކަހަލަ އެއްޗެއް ހިފައިގެން އައި މީހަކު އޭނާގެ ފުރަގަހުގައި ހުއްޓިއްޖެއެވެ. ދުއްރާ އަތުގެ ކޮޅަށް ދަމާލައިފައި، ހޫނު އެތިފަހަރެއް އަޅާލައިފިއެވެ. ބުރަކަށިމަތީގައެވެ. އަލި ބެއްޔާގެ އެތެރެހަށި ކުދިކުދިވީ ކަންނޭނގެއެވެ. އަނގައިން ހޯސްލާފައި ލޭތައް އޮހިގެންފިއެވެ، ގޮޅިތަކުގައި ތިބި މީހުންނަށް، ބަލަން ނުކެރިގެން އެއް ބަޔަކު އިށީނީއެވެ. އަނެއް ބަޔަކު ދެ ލޯ މަރައި ފިއްތައިގެން ރޮވިފައި ތިބެއްޖެއެވެ.
އަލިބެއްޔާގެ ގައިގައި ތަޅަން ހުރި ސިފައިންގެ މީހާގެ ހިތުގައި ރަހުމުގެ ކުޑިފުކެއް ވެސް ނެތެވެ. އަގައިންނާއި ނޭފަތުން ލޭ އޮހިގަތްތަން ފެނުމުން، އޭނާއަށް އިތުރު ހިތްވަރަކާއި ބާރެއް ލިބުނު ކަހަލައެވެ. ދެން ފޮނުވައިލި ހަމަލާ ކުރިއަށްވުރެ ވެސް ވަރުގަދަހެން ހީވެއެވެ. ހަމަ އެއާ އެކު އަނެއްކާ ވެސް އަނގައާއި ނޭފަތުން ލޭތައް އޮހިގަތްތަން ފެނުނެވެ. ފަސްވަރަކަށް ބޮނޑި އަޅައިލިއިރު، އަލިބެއްޔާގެ ހަށިން ވަރު ހުސްވެ އެލިއްޖެއެވެ. އޭނާގެ ބަލިކަށި ހަށިގަނޑާ ފުރާނަ ވަކިވީ ނޫންކަމެއް ވެސް ނޭނގެއެވެ.
ކުރިމަތީގައި މަންޒަރު ބަލަން ހެވިފައި ތިބި ސިފައިންގެ ތެރެއިން އެކަކުގެ އިޝާރާތަށް، ތަޅަން ހުރި މީހާ ތެޅުން ހުއްޓާލައިފިއެވެ. އެ މީހާ ކުރިއަށް ޖެހިލައި، އަލިބެއްޔާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ކުރިމައްޗަށް އެލިފައި އޮތް ބޯ އުފުލައިލިއެވެ. އޭރު އަލިބެއްޔާގެ ދެ ލޯ ވަނީ މެރިފައެވެ. މުޅި މޫނު ކަޅިވެފައި ވަނީ އަނގައާއި ނޭފަތުން އޮހުނު ލެއިންނެވެ. އޭނާ އިރުކޮޅަކު އަލިބެއްޔާއާ ދިމާއަށް ބަލަން ހުރެފައި، ކަރު ކެހެލުމަށްފަހު މޫނަށް ބޮޑު ކުޅެއް ޖެހިއެވެ.
ފަނަރަ ވަރަކަށް މިނެޓް އެ ގޮތުގައި އަލިބެއްޔާ ބޭއްވުމަށްފަހު އޭނާގެ ހަތަރެސް ފައި މޮހާލައިފިއެވެ. ފުރަތަމަ މޮހައިލީ ދެ ފަޔެވެ. ދެން ދެ އަތެވެ. ދެ އަތް މޮހާލުމާ އެކު، އެ ހުރިތަނަށް ގުޅައަކަށް އަލިބެއްޔާ ވެއްޓި ޖެހިއްޖެއެވެ. ހަމަ ހަގީގަތުގައި ވެސް އަލިބެއްޔާ މަރުވީ ބާވައެވެ؟
މި ހިތްދަތި މަންޒަރުން އެ ތަނުގައި ތިބި އަނިޔާވެރި ސިފައިންގެ މީހުންގެ ހިތްތަކަށް ކުޑަވެސް ހިތާމައެއް ކަންބޮޑުވުމެއް ވެރިއެއް ނުވެއެވެ. ރަހުމެއް ހަމްދަރުދީއެއް ކުޑަކޮށް ވެސް ނުއުފެދުނެވެ. ވާނީވެސް އެހެންތާއެވެ. އެކަހަލަ ކިތައް އަލިބެއްޔާ އެމީހުންގެ އަނިޔާއިން ދުނިޔެ ދޫކޮށްފައި ވާނޭހެއްޔެވެ؟ ވީއިރު އެ ކަން އެ މީހުންނަށް އާ ކަމަކަށް ނުވާނެއެވެ. މިހާރުވެސް މި ޖަލުގައި ވެސް އެ މީހުންގެ އަނިޔާ ލިބިލިބި ތިބި، އިނގިރޭސީންގެ އެތައް ރައްޔިތުންނެއް އެބަ ތިއްބެވެ. އެތައް ބަޔަކު މަރު ވެސް ވެއްޖެއެވެ.
އަލިބެއްޔާ އޮތް ނިކަމެތި ހާލު ފެނިފައި، މި ހިތްދަތި މަންޒަރު ދެކެން ޖަލުގެ ގޮޅިތަކުގައި ތިބި އަނެއް ބާރަ ދިވެހިންނަށް ވަނީ ރޮވި، ގިސްލެވިފައެވެ. އަލިބެއްޔާއަށް ކުރި އަނިޔާ ފެނިފައި އެ މީހުންގެ ބޮލަށް ވަނީ އެނބުރުން އަރާފައެވެ. އުމުރުން ދުވަސްވެ، ބަލިހާލު ބޮޑުވެފައިވާ މީހަކަށް އެ ފަދަ ބޮޑު އަނިޔާއެއް ދިން އިރު އެމީހުންގެ މޭގެތެރޭގައި އޮތީ ހިތެއް ބާވައެވެ؟
ހަމަ ހަޤީޤަތުގައި ވެސް އަލިބެއްޔާ މަރުވިއެވެ. އެކަން ކަށަވަރުވީ އެހެންޏާ ވެސް މަރުވާ މީހުންނަށް ކަންކުރާ އުސޫލުން އަލިބެއްޔާއަށް ކަންކުރީމައެވެ. ސިފައިންގެ ދެ މީހަކު އަލިބެއްޔާގެ ފުރާނަ ނެތް މަސްގަނޑު އުފުލައިލައިގެން ގެންގޮސް މަގުމައްޗަށް އެއްލައިލައިފިއެވެ. އިރުކޮޅަކުން ފެނުނީ އެ ރަށުގެ މުޓިޔާކުރާ ބަޔަކު ދަމާ ގާޑިޔަލެއް ކަހަލަ އެއްޗެއް ހިފައިގެން އައިސް، އެ ގަބުރު އެއަށް އަރުވައިގެން ގެންދިޔަތަނެވެ. އަލިބެއްޔާގެ ހަޔާތް ނިމުނީއެވެ. އަބަދުގެ އަބަދަށް މި ފަނާވަނިވި ދުނިޔެ ދޫކޮށް ދިޔައީއެވެ. އަނިޔާވެރި ދުނިޔެއާ އަލްވަދާޢުކީއެވެ. ހިތާމައާއި ހިތްދަތިކަމުގެ ކޮޅެއް ނެތެވެ.
އަލިބެއްޔާ މަރުވުމަކުން ޖަލުގެ އަނިޔާއަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އިންސާނުންނަށް އަނިޔާކުރުން އެމީހުންގެ އުފަލަކަށް ވެފައިވާ ކަހަލައެވެ. ކޮންމެވެސް ބަޔަކަށް ކޮންމެވެސް ކަހަލަ ބޮޑު އަނިޔާއެއް ނުދެވިއްޖެ ނަމަ، އެ މީހުންގެ ލޮލަށް ފުރިހަމަ ނިންޖެއް ނުލިބެއެވެ. އަރުން އެއްޗެއް އެތެރެވާހެން ވެސް ހީނުވެއެވެ.
އަލިބެއްޔާ ނިޔާވިތާ މަހެއްހައި ދުވަސް ފަހެވެ. ޖަލު ބަލަހައްޓާ ސިފައިން ބަދަލުވެ، އައު އޮފިސަރުންތަކެއް ޖަލަށް އައި ދުވަހެކެވެ. މި ބައިގަނޑު ޖަލަށް އައިސް، އެކި ގޮޅިތަކަށް ވަކިވަކިން ޒިޔާރަތްކޮށް، އެ ގޮޅިތަކުގައި ތިބި މީސްމީހުން ބަލައި، ހީ މަލާމާތްކޮށް ހެދިއެވެ. ބައެއް މީސް މީހުންގެ ގައިގައި ކަމަކާ ނުލައި ޖަހައި އަނިޔާ ވެސް ކުރިއެވެ. މި ފަހަރު މި އައީ އަދި ވަކީން ނުލަފާ ބަޔަކުހެން ހީވެއެވެ.
މި ގޮތުން ފަހަރަކު މީހެއްގެ ގޮޅި ބަލަމުން ގޮސް ހައްވާދިޔެ އިން ގޮޅިއާ ހަމައަށް ދެވުމާ އެކު، އެ މީހުންގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ގޮޅީތެރޭގައި ހައްވާދިޔެ އިނީ އުފަން ހާލުގައެވެ. އޭނާއަކީ ގުދުރަތުން ރީތި ސިފަތަކެއް ދެއްވާފައިވާ ކުއްޖެކެވެ. ދޮން ހަށިގަނޑެކެވެ. ކަޅުކުލަ ގަދަ އިސްތަށިގަނޑެކެވެ. ރީތި ހަށިގަނޑެކެވެ. ޖަލުގެ ބިކަ ހާލުގައި ތެޅެން ޖެހުމުން، އޭނާގެ ރީތިކަމާއި ނަލަ ކަމުގެ އެތައް ގުނައެއް ވަނީ އުނިވެފައެވެ. އެހެންނަމަވެސް އަދިވެސް ބަލައިލަން ކިތަންމެހައި ވެސް ރީއްޗެވެ.
އެ އޮފިސަރުން ގޮޅިއަށް ވަދެ، ބަލާންފެށުމާ އެކު، ހައްވާދިޔެއަށް މަސައްކަތް ކުރެވުނީ އެ މީހުންގެ އެ ދަހިވެތި ނަޒަރުން ސަލާމަތް ވެވޭތޯއެވެ. ބިރުވެރިކަމާއި ލަދުވެތިކަމާއި ކަންބޮޑުވުމާއި މިފަދަ ހުރިހާ ކަމެއް ވަނީ އޭނާ ވަށާލައިފައެވެ.
އެއީ ނިކަމެތި އަންހެނެކެވެ. އަޅުވެތިކަމުގެ ހިތި ކޯވަރުތައް ދިރުވަމުން އަންނަ، އާރެއް ބާރެއް ނެތް ނިކަމެއްޗެކެވެ. ކުރިމަތީގައި އެތިބީ އާރާއި ބާރު، އަނިޔާވެރިކަމާއި ނުލަފާކަން އިންތިހާއަށް އަށަގެންފައި ތިބި، އިންސާނުގެ ސިފައިގައި ތިއްބަސް ޖަނަވާރުންގެ ގިންތީގައި ތިބި ބަޔެކެވެ. އެ ފަދަ ބަޔެއްގެ ކިބައިން، ނިކަމެތި ހައްވާދިޔެއަށް ސަލާމަތް ވެވޭނީ ކިހިނެއް ހެއްޔެވެ؟
އެ ތަނަށް އައި އޮފިސަރުން ހައްވާދިޔެއާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކު ބަލަން ތިބެފައި ދިޔައީއެވެ. ހީކުރިގޮތާ ޚިލާފަށް މާ ބޮޑު ކަމެއް ނުހިނގައި ސަލާމަތް ވެވިއްޖެއެވެ. ހައްވާދިޔެއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ކަނޑުވެފައި އޮންނަ މީހަކަށް ކަނޑުން ނަގައި ބިޔަ ރާޅުތަކުގެ ތެރެއިން، އެންމެ ރާޅަކުން ސަލާމަތް ވެވުނަސް ހީވާނީ ނުރައްކަލުގެ ވަރަށް ބޮޑު ބަޔަކުން ސަލާމަތް ވެވުނީ ކަމަށެވެ.
އޮފިސަރުން އެނބުރި ދިޔަތާ ފަސްވަރަކަށް މިނެޓު ވެސް ނުވާނެއެވެ. ހައްވާދިޔެ އިން ގޮޅި ކައިރިއަށް ފުލުހަކު އަތުވެއްޖެއެވެ. ހައްވާދިޔެ ބަލައެވެ. ހައްވާދިޔެގެ މޭ ތެޅިގެންފިއެވެ. ކުރިމަތިން ސިފަވެގެން ދިޔައީ ދާދި ދެންމެއަކު މި ތަނުގައި ތިބެ، އޭނާއާ ދިމާއަށް ބަލަމުން ގެންދިޔަ އޮފިސަރުންގެ ދަހިވެތި ބެލުންތަކެވެ.
ކިތަންމެ ބިރުގަތަސް، ކިތަންމެ ކަންބޮޑުވިޔަސް، ކިޔަމަންވުން ނޫން ގޮތެއް ނޯންނާނެއެވެ. ޖެހޭނީ ދާށެވެ. ހައްވާދިޔެ ތެދުވިއެވެ. ގޮޅިން ނުކުތުމަށް ޓަކައި ހިނގައިގަތެވެ. ދެ އަތުން ފޮރުވެން އޮތް މިންވަރެއް، ފޮރުވޭން އޮތް ގޮތަކަށް ފޮރުވައިގެންނެވެ.
އާދަނާ ހުރީ އޭނާގެ ކުޑަކުޑަ ގޮޅީ ތެރޭގައެވެ. ތޭރިތަކުގެ ތެރެއިން ބޭރަށް ބަލާށެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ، ފުލުހަކު އޭނާގެ ލޯބިވާ އަނބިމީހާ ނެރެގެން ގެންދާތަނެވެ. އާދަނާއަށް ތޭރީގައި ދެއަތުން ބާރަށް ހިފެހެއްޓުނެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. ހައްވާދިޔެ އެ ގެންދަނީ ކީއްކުރަން ބާވައެވެ؟ އެ މީހުން އޭނާއަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. މިހާރު އެ ތިބީ އަނެއްކާވެސް އާ ބަޔަކު އައިހެވެ. އެ މީހުންގެ ވަޙުޝީކަން ހުރިވަރެއް އަދި ނޭނގެއެވެ. ހަމަ ގައިމުވެސް އަނިޔާވެރިކަން ބޮޑެވެ.
އާދަނާގެ ޚިޔާލަށް އައީ އެންމެ ގޯސްކޮށެވެ. އެހެންކަމުން ހައްވާދިޔެ ގެންގޮސް ފުލުހުންގެ ކޮޓަރިއަށް ވެއްދީއްސުރެ، އޭނާގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ނުތަނަވަސް ކަމަކަށް ލުޔެއް ނުލިބެއެވެ. ހުރެވުނީ ހުއްޓުން އަރާފައެވެ. ހައްވާދިޔެ ގެންގޮސް ވެއްދި ދޮރާ ދިމާއަށް ބަލާށެވެ.
އެ ކޮޓަރިއަށް ހައްވާދިޔެ ވެއްދިތާ ފަސް މިނެޓެއް ނުވާނެއެވެ. ކުއްލިއަކަށް ފެނުނު މަންޒަރަކީ އާދަނާގެ ހިތް ކަތިލެވުނު ފަދަ ހިތްދަތި މަންޒަރެކެވެ. ހައްވާދިޔެގެ އިސްތަށިގަނޑުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އޮފިސަރަކު އޭނާ ބޭރަށް ނެރޭ މަންޒަރެވެ. ފަހަތުން އެހެން ދެ އޮފިސަރުން ވެސް ނިކުތެވެ. ހައްވާދިޔެ ރޯ އަޑު އާދަނާގެ ކަންފަތުގައި ޖެހުނެވެ. އާދަނާއަށް ހުރެވުނީ ބަސް ހުއްޓިފައި ހުރި ކަހަލަ ގޮތަކަށެވެ.
ހައްވާދިޔެ ދަމާ ކަހާފައި އެ މީހުން ގެންދިޔައީ ފެންޑާގައި ހުރި އެހެން ކޮޓަރިއަކާ ދިމާއަށެވެ. އާދަނާއަކަށް މި މަންޒަރު ދެކޭކަށް ކެތެއް ނުވިއެވެ. އޭނާއަށް ރޮވޭން ފަށައިފިއެވެ. ހައްވާދިޔެއަށް ވާނެ އަނިޔާ އިހުސާސް ކުރެވޭން ފެށުމުންނެވެ. ހައްވާދިޔެ އަޑުން އަޑު ނަގައި ރޮއި ހޭރެމުންދެއެވެ. އެހެންނަމަވެސް އެ އަޑު އަހާނެ ރަހުމެއް ހުރި މީހަކު އެ ތާކު ނެތެވެ. އެ މަންޒަރު ދެކޭނެ އޯގާވެރިއަކު އެ ތާކު ނެތެވެ. ޖަލުގެ ގޮޅިތަކުގައި ހައްޔަރުވެފައި ތިބި އާދަނާފަދަ ނިކަމެތި މީހުންކޮޅު ފިޔަވައެވެ.
އެ މީހުން ހައްވާދިޔެ ގެންގޮސް، އެ ކޮޓަރީގެ ތެރެއަށް ކޮއްޕާލައިފިއެވެ. ގޮސް ވެއްޓި ޖެހުނީ ތަޅުންގަނޑު މައްޗަށެވެ. އެ ތަން ބަލަން ތިން އޮފިސަރުން އިރުކޮޅަކު ތިއްބެވެ. އެއަށްފަހު އެ ތަނުން އެއް އޮފިސަރަކު ކޮޓަރި ތެރެއަށް ވަންނަން ހިނގައިގެންފިއެވެ. ގަމީހުގެ ގޮށްތައް ނައްޓާލުމަށްފަހު ފަޓުލޫނުގެ ބެލްޓު ނައްޓަމުންނެވެ.
މި މަންޒަރު އާދަނާގެ ލޮލުގައި ޖެހުމާ އެކު، އަޑުގައި ހުރިތަނަށް ހަޅޭއްލަވަން ފެށިއްޖެއެވެ. ދުލަށް އައިހައި އެއްޗެއް ގޮވާން ފެށިއްޖެއެވެ. ދެ ތޭރި ދޭތެރެއިން އޭނާގެ ދެ އަތް ބޭރަށް ނެރެ، ދެ އަތުގެ ޝަހާދަތް އިނގިލި ގުޅުވާލާފައި، އެއީ އޭނާގެ ހަލާލު އަނބިމީހާކަން ވެސް ބުނެދޭން ފަށައިފިއެވެ. އެ ތަނުގައި ތިބި ދެ އޮފިސަރުން ތިބީ މި މަންޒަރު ބަލާށެވެ.
އިރުކޮޅަކުން ޖެހިގެން ހުރި ގޮޅިތަކުގައި ތިބި އިނގިރޭސީންގެ ހަތަރު މީހަކު ވެސް އާދަނާއާ ބައިވެރިވެ، ހަޅޭއްލަވަން ފަށައިފިއެވެ. މުޅި ޖަލުގައި މިހާރު ގުގުމާފައި ވަނީ، އާދަނާއާއި އަނެއް ހަތަރު މީހުންގެ ހަޅޭކުގެ އަޑާއި ހައްވަދިޔެ ރޮއި ހޭރޭ އަޑެވެ.
ހައްވާދިޔެ އޮތް ކޮޓަރިއަށް ވަން ސިފައިންގެ އޮފިސަރު އެ ކޮޓަރިއަށް ވަންގޮތަށް، ބަޑުހައިވެފައިވާ ސިންގާއެއް ފަދައިން ހައްވާދިޔެގެ ގައިމައްޗަށް ޖެހިގަތީއެވެ. ނިކަމެތިވެ ވަރު ހުސްވެފައިވާ ހައްވާދިޔެއަކަށް އަމިއްލަ އިއްފަތްތެރިކަން ރައްކާތެރި ކުރާކަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. ރޮއި ހޭރި އާދޭސް ކުރުން ފިޔަވައެވެ. އެހެންނަމަވެސް އޭނާގެ ރުއިމަކުން، އާދޭހަކުން، އެ ހިލަ ހިތަށް ކުޑަވެސް ރަހުމެއް ހަމްދަރުދީއެއްގެ އަސަރެއް ނުކުރިއެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގައި ހިފާފައި ހުރި ވަޙުޝީކަމާއި ޝައިތާނާގެ ބާރު މާ ގަދައެވެ.
އާދަނާއާއި އިނގިރޭސި ހަތަރު ކުށްވެރިންގެ ހަޅޭކުގެ އަޑު އިންތިހާއަށް ގަދަވާން ފެށުމުން، އަނެއް ދެ އޮފިސަރުންނަކަށް މަޑަކުން ނުތިބެވުނެވެ. ރުޅިވެރިކަން އިންތިހާއަށް އަރައިފިއެވެ. އެ މީހުން ގޮޅިތަކުން ނެރުމަށް، ޖަލު ބަލަހައްޓާ ސިފައިންނަށް ވަގުތުން އަންގައިފިއެވެ. ލަހެއް ފަހެއްނެތި އެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ސިފައިން ހަރަކާތްތެރިވެގަތެވެ. ފަސް މީހުން ގޮޅިން ނެރެގެން ގެންގޮސް، ދަނގަޑުތަކުގައި މީހަކާ ޖެހި މީހަކު ރަނގަޅަށް ބަނދެލައިފިއެވެ.
ރުޅިއައިސް ރަތްވެ، ކުޅަނދުރުތަކެއްހެން ވެފައި ތިބި ދެ އޮފިސަރުން، އެ ފަސް މީހުން ގާތަށް ޖެހިލައިފިއެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ވަރުގަދަ ޗާބޫކެއް އޮތެވެ. އައިސްފައިވާ ގަދަފަދަ ރުޅިއެއްގެ ސަބަބުން، ދެ ލޯ ހުރީ ބޮޑުވެ ރަތްވެފައެވެ. އެކަކު ޖެހިލީ އާދަނާއާ ދިމާއަށެވެ. އަނެކަކު އިނގިރޭސީންގެ މީހަކާ ދިމާއަށެވެ.
އިރުކޮޅަކު ބަލަން ހުރެފައި ޗާބޫކުގެ ވާގަނޑު ވައިގެ ތެރޭގައި އަނބުރާލައިފިއެވެ. ސުބުޙާނަﷲއެވެ. އެހެރަ ތަޅައިގަތް ވަރެކެވެ. އެޔެއް މިޔެއް ނުބަލައެވެ. ޖެހުނު ތަނަކު ޖެހެންވީއެވެ. ޖެހޭ ކޮންމެ ތަނެއް ދަނީ ފަޅައިގެންނެވެ. ލޭ ހިލޭ ތަންތަނާއި ލޭ ފައިބައިގަންނަ ތަންތަން ފެނެއެވެ. އެހެންނަމަވެސް ރަހުމެއް ނެތެވެ. ހުއްޓުމެއް ނެތެވެ. އެންމެން ރޮއި ހޭރެމުން ދެއެވެ. އަޅައި ވޭނާއި ނަގައި ދިލައިގެ ސަބަބުންނެވެ.
ތެޅުން ހުއްޓައިލީ އެ މީހުން ވަރުބަލިވެގެންނެވެ. އޭރު ވަނީ އެ ފަސް މީހުންނަށް ދެން އިތުރަށް ހަޅޭއްނުލެވޭވަރު ކޮށްލާފައެވެ. އަމިއްލަ ހާލަށް ކޮޅަށް ވެސް ނުހުރެވޭވަރު ކޮށްލާފައެވެ. މި ވަރު ކޮށްލާފައި ވެސް ދަގަނޑުތަކުން އެ މީހުން މޮހައެއް ނުލައެވެ. އެ މީހުން ތިބީ، ދަގަނޑުގެ ބާރުގައި ފާޑަކަށް ސޮހިފައެވެ. ދެ ލޯ ވަނީ މެރިފައެވެ. އެތައް ތަނެއް ފަޅައިގެން ގޮސްފައި ހުއްޓެވެ. އެއިން ކޮންމެ މީހެއްގެ މުޅި ހަށިގަނޑު ކަހަލަ ގޮތަކަށް ވަނީ ރަތްވެފައެވެ.
މިހާރު ޖަލުތެރެއިން އިވޭ ހަމައެކަނި އަޑަކީ، ހައްވާދިޔެގެ ރުއިމުގެ ހިތްދަތި އަޑެވެ. ގިސްލުމުގެ ވޭނީ އަޑެވެ. އެހެންނަމަވެސް އެ އަޑުގައި ކުރިން ހުރި ހަކަތައެއް މިހާރަކު ނެތެވެ. ރޮއިރޮއި ވަރުބަލިވީއެވެ. ހަށިގަނޑުގައި ހުރިއްޔާ ހުރި ބާރެއް ނެތި ދިޔައީއެވެ. އޮފިސަރުގެ ރަހުމެއް ނެތް އަނިޔާވެރި “ހަމަލާގެ” ސަބަބުންނެވެ.
ހައްވާދިޔެ އޮތް ކޮޓަރިއަށް ވަންތާ ގާތްގަނޑަކަށް ދޮޅުގަޑިއެއްހައި އިރު ފަހުން، އެ ކޮޓަރިން އޮފިސަރު ނިކުމެއްޖެއެވެ. އޭރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ހަށިގަނޑުގައި ވަނީ ލޮޑުކަމެވެ. ވަރުބަލިކަމެވެ. އެހެނަސް ތުންފަތް މަތީގައި ދުވެލަ ދުވެލައި ހުރީ ހިނިތުންވުމެވެ. އުފާވެރި ހިނިތުންވުމެވެ. މޫނުމަތީން ފެންނަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ހައްވާދިޔެގެ ހިތާއި ނަފުސު ކޮށައި ކުދިކުދި ކޮށްލާފައި ނިކުތްއިރު، އޭނާގެ ހިތަށް ލިބިފައިވަނީ މީރުކަމާއި ލައްޒަތެވެ.
ހިނިތުންވެފައިހުރެ އެ އިފުރީތު އައިސް ޖައްސައިލީ، ފެންޑާގައި ތިބި އަނެއް ދެ ބައިވެރިންގެ ގާތުގައެވެ. ނިތްކުރިމަތިން ދާތައް ފޮހެލަމުން، ވަރަށް މަޖާވެފައި، ރަށު ބަހުން ވާހަކަތަކެއް ދައްކާން ފަށައިފިއެވެ. ކުރެވުނު މޮޅު ކަންތަކުގެ ވާހަކަ، އަލިފުން ޔާއަށް ކިޔައިދެނީ ކަންނޭނގެއެވެ. އަނެއް ދެ މީހުން އަޑުއަހަން ތިއްބެވެ. ވަރަށް ޝައުޤުވެރިކަމާ އެކުގައެވެ. އިރުއިރުކޮޅުން ހިނިގަނޑު ޖަހާލައެވެ. ގޮތްކުޑަ ނުބައި ފާޑަކަށެވެ.
އެ މީހުންގެ މަޖާ ފޯރިގަދަ ވާހަކަ ނިންމާލީ، އާދަނާގެ ވާހަކަ ވެސް ދެއްކުމަށްފަހުގައެވެ. އާދަނާއަކީ ހައްވާދިޔެގެ ފިރިމީހާކަމާއި، ހައްވާދިޔެ އެ ތަނަށް ވެއްދުމުން، އެ ކަމާ ނުރުހިގެން އާދަނާ ލެވި ހަޅޭކުގެ ވާހަކަ ވަރަށް ތަފުސީލުކޮށް އެ ދެ މީހުން އަނެއް މީހާއަށް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއެހުމަށްފަހު، އޭނާ އާދަނާއާ ދިމާއަށް ބަލައިލިއެވެ. ރުޅިވެރިކަމާއި ނަފުރަތުން ފޯވެފައިވާ ނަޒަރަކުންނެވެ. އިރުކޮޅަކު ބަލާން އިނދެފައި ތެދުވެއްޖެއެވެ. ހިނގައިގަތީ އާދަނާއާ ދިމާއަށެވެ.
އެ ނުލަފާ އޮފިސަރު އާދަނާއާ ދިމާއަށް ހިނގައިގަތްއިރު، އޭނާ އަޅާ ކޮންމެ ފިޔަވަޅަކާ އެކު، އަނިޔާވެރިކަމާއި ބިރުވެރިކަން ހަތަރު ފަރާތަށް ދުނިޖަހައެވެ. ހަށިގަނޑުން ހަކަތަ ހުސްވެފައިވާ އާދަނާއަކަށް މި ނުރައްކާތެރި މަންޒަރެއް ނުފެނެއެވެ. އޭނާގެ ބޯ އޮތީ އެއް ފަރާތަށް ވެއްޓިފައެވެ. ދެ ލޯ ވަނީ މެރިފައެވެ. ކުރި އަނިޔާގެ ބޮޑުކަމުންނެވެ.
އެ ބިރުވެރި އޮފިސަރު ގޮސް ހުއްޓުނީ އާދަނާގެ ކުރިމަތީގައެވެ. އޭނާގެ ދެ ފަރާތުން ކަނޑަކަނޑައިގެން ދާން ކައިރިވެފައިވާ ދެ ލޮލުގެ ނަޒަރު ހުއްޓިފައިވަނީ އާދަނާއާ ދިމާއަށެވެ. އިރުކޮޅަކު ބަލާން ހުރެފައި، އާދަނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި އުފުލައިލިއެވެ. އެ ވަގުތު ވަރުދެރަ ގޮތަކަށް އާދަނާ ލޯ ހުޅުވައިލިތަން ފެނުނެވެ. އާދަނާގެ އިސްތަށިގަނޑުން ދޫކޮށްލުމާ އެކު، އަނެއްކާ ވެސް އެއް ފަރާތަކަށް ބޯ ވެއްޓުނެވެ. އެއާއެކު އެ ރަހުމެއް ނެތް އަނިޔާވެރިޔާ ބަލާކަށް ނުހުރެ، ގޮށްމުށްކަވާފައި ގައިގައި ހުރި ބާރަކާ އެކު، އާދަނާގެ ބަނޑުކޮޅުގައި ވަރުހުރި އެތިފަހަރެއް ޖަހައިފިއެވެ. ވީތަދާ އެކު އާދަނާގެ ވަރުހުސްވެފައިވާ ހަށިގަނޑު ކުރުގެޅިގެން ދިޔައެވެ. ބަލިކަށި އަޑެއް ވެސް އަގައިން ނިކުތެވެ.
އެ ވަގުތު އެ ތަނުން އެހެން އޮފިސަރަކު ކުރިއަށް ޖެހިލިއެވެ. އޭނާ ހަރު ހިނގުމެއްގައި އައިސް އާދާނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި އަނެއްކާ ވެސް އުފުލާލައިފިއެވެ. އަދި ހަރުކަށި، އިންޒާރުގެ އަޑަކުން އާދަނާއަށް އެންގީ ލޯ ހުޅުވައިގެން ހުރުމަށެވެ.
ދެ ލޯ ހުޅުވައިލާހައި ވަރު ނެތިފައި ހުރި އާދަނާއަށް މި ފަހަރު މަޖުބޫރުވީ، ލޯ ހުޅުވައިގެން ހުންނާށެވެ. އަނެއް އޮފިސަރަކު ގޮސް ހައްވާދިޔެ އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅަކުން ފެނުނީ އެ ކޮޓަރިން ހައްވާދިޔެ ނެރޭތަނެވެ. އެއް އަތުގައި ހިފައި ދަމާފައެވެ. އެ މީހުން ބޭނުންވަނީ ހައްވާދިޔެ އޮތް ނިކަމެތި ހާލު އާދަނާއަށް ދައްކާށެވެ. އަދި އާދަނާއަށް ކޮށްފައިވާ އަނިޔާ ހައްވާދިޔެއަށް ވެސް ދައްކާށެވެ. އެއީ ދެމަފިރިންކަން އެނގުމުން، އެ މަންޒަރު ދައްކައިގެން، ދެ މީހުން އިތުރަށް ހިތްދަތި ކުރުވާށެވެ.
ދަމާކަހާފައި ހައްވާދިޔެ ގެނެސްފިއެވެ. އާދަނާ ބަހައްޓާފައި ހުރި ތަނަށެވެ. އޭރު ހައްވާދިޔެ ގަޔަކު އެއްވެސް ވަރެއް ނެތެވެ. އޭނާގެ ހަށިގަނޑުގެ އެ ތަން މި ތަން ހުރީ ނޫފައިގެންފައެވެ. ދެ ލޯ ހުޅުވައިލެވެނީ ވެސް ހިތްވަރަށެވެ. މި ފަދަ ނިކަމެތި ހާލެއްގައި ހައްވާދިޔެ އޮތް ތަން ފެނިފައި، އާދަނާގެ ދެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގަތެވެ. ހިތަށް ލިބުނު އަނިޔާއެއްގެ ބޮޑުކަމުން ލަގޮނޑި ބޮޑުވެ، ހިންދިރުވައިލާން ދަތިވެއްޖެއެވެ.
ހައްވާދިޔެގެ އެ ބަލިކަށި ހަށިގަނޑުގައި އަޅާނެ ވޭން އާދަނާއަށް އިހުސާސްކުރެވުނެވެ. އޭނާ ބޭނުންވަނީ ހައްވާދިޔެގެ ގައިގައި ފިރުމައިލަދޭށެވެ. ލިބެމުން ދާ ވޭނަށް ލުއިކަމެއް ހޯދައިލަދޭށެވެ. އެހެންނަމަވެސް އޭނާއަކަށް އެ ކަން ކޮށްދެވޭކަށް ނެތެވެ. އޭނާގެ ހަތަރެސް ފައި ވަނީ ބަނދެފައެވެ. ގަޔަކު ވަރެއް ނެތެވެ. ކޮޅަށް ހުރެވެނީ ވެސް ބަނދެފައި ހުރި ދެ ދަގަނޑުގެ އެހީގައެވެ.
ހައްވާދިޔެ އޮތް ހާލު ފެނިފައި އިތުރަށް އެ މަންޒަރު ދެކޭކަށް އާދަނާއަކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އެ ހިތްދަތި މަންޒަރު ދެވަނަ ފަހަރަށް ބަލަން ނުކެރިގެން، އޭނާއަށް ދެ ލޯ މަރައިލެވުނެވެ. އެއާ އެކު އޭނާގެ މޫނުމައްޗަށް އެރީ އިތުރު ހަމަލާއެކެވެ. ކައިރީގައި ހުރި އޮފިސަރުގެ އަތުގެ ހޫނު ހަމަލާއެކެވެ. ހައްވާދިޔެއާ ދިމާއަށް ބަލާން މަޖުބޫރުކުރަނީއެވެ. އެހެންކަމުން އަނެއްކާވެސް ޖެހުނީ ލޯ ހުޅުވާށެވެ.
އާދަނާއަށް ކޮށްފައިވާ އަނިޔާއާއި ޖައްސާފައިވާ ނިކަމެތި ހާލު ފެނިފައި، ހައްވާދިޔެގެ ހިތް ފަޅިފަޅިވި ކަހަލައެވެ. ކުރި ފުން އަސަރެއްގެ ބޮޑުކަމުން، އޭނާއަށް ވަގުތުން ރޮވުނެވެ. ދެ ލޮލުން ކަރުނަ އޮހިގަތެވެ. މި ކަން އެ ތަނުގައި ތިބި ތިން ޝައިޠާނުންނަށް ވީ ވަރަށް މަޖާ ކަމަކަށެވެ. ހިތަށް ފިނިކަން ލިބުނު ކަމަކަށެވެ. އެ މީހުން ހެމުން މަލާމާތްކުރަމުން ހައްވާދިޔެ ގެންގޮސް އޭނާގެ ގޮޅިއަށް ވައްދައިފިއެވެ.
ހައްވާދިޔެގެ ގޮޅި ދޮރުލައްޕާ ތަޅުލުމަށްފަހު، އެ ތިން ޖަނަވާރު މި ފަހަރު ހިނގައިގަތީ، ބަނދެފައި ތިބި ހަތަރު އިނގިރޭސީންނާ ދިމާއަށެވެ. ކޮންމެ މީހަކު ވެސް އަތަށް ހެޔޮވަރު ލަޓިބުރިއެއް ހިފައިގެންނެވެ. އެ ދިޔަ ގޮތަށް ގޮސް، ތިން މީހުން ތިން ފަރާތުން ލެފި، އެ ހަތަރު މީހުންގެ ގައިގައި ލަޓިބުރިން ތަޅައިގެންފިއެވެ. ވަކި ތަނެއްތަނެއް ބެލުމެއް ނެތެވެ. އެ ވަގުތު މުޅި ސަރަޙައްދުގައި ގުގުމައިގަތީ، އެ ހަތަރު މީހުންގެ ވޭނީ ރުއިމުގެ އަޑެވެ. ޖަހައިލާ ކޮންމެ ފަހަރަކު، އަޅާ ވޭނާއި ވާ ތަދާއި ނަގައި ދިލައިން ކެތް ނުވެގެން އެ މީހުން ތެޅިފޮޅިގަނެއެވެ. އެހެންނަމަވެސް އެ އިން މީހެއްގެ ހިތުގައި އެ ހަތަރު މީހުންގެ މައްޗަށް ރަހުމުގެ ޒައްރެއްގެ މިންވަރު ވެސް ނެތެވެ. ތެޅުމަކަށް ކުޑަ ވެސް މަޑުޖެހުމެއް ނުގެނެއެވެ.
އަތާއި ފަޔާއި ބަނޑާއި ބުރަކައްޓާއި ކޮނޑުމައްޗާއި ބޮލުގެ އެ ތަން މި ތަނުގައި ތެޅިތެޅީނުން ހަތަރު އިނގިރޭސީން ލޭގަނޑަކަށް ހަދާލައިފިއެވެ. އެއާއެކު އެ މީހުންގެ އަޑާއި ހަރަކާތަށް ވެސް މަޑުޖެހުން އަންނާން ފަށައިފިއެވެ. ހަމަހިމޭންވާން ފަށައިފިއެވެ. އެ މީހުން ތެޅުން ހުއްޓާލީ، އެ ހަތަރު މީހުންގެ އަޑު ކެނޑި، ހަށިގަނޑު އެއްކޮށް ހިމޭން ވުމުންނެވެ. އާއެކެވެ! އެ ހަތަރު މީހުން މަރުވުމުންނެވެ. އޭރު އެ މީހުންގެ ހަށިގަނޑާއި ބޮލުގެ އެ ތަން މި ތަން ފަޅަފަޅައިގެން ގޮސް ލޭތައް އޮހެމުންދެއެވެ. އަނގައިންނާއި ނޭފަތުންނާއި ކަންފަތުން ވެސް ލޭ ފައިބައިފައި ހުއްޓެވެ.
އިނގިރޭސީންގެ ހަތަރު މީހުން މަރުވެއްޖެކަން ކަށަވަރުވުމުން، އެ މީހުންގެ އާދައިގެ މަތިން، ބަނދެފައި ތިބި ތަންތަނުން މޮހާލައިފިއެވެ. އަދި އުފުލައިލައިގެން ގެންގޮސް މަގުމައްޗަށް އެއްލާލައިފިއެވެ. އެހައިތަނުން އުފުލާމީހުންނާ ހަވާލުވީއެވެ. އިރުކޮޅަކުން ފެނުނީ އުފުލާ މީހުން ގާޑިޔާ ހިފައިގެން އައިސް، ފަހަރަކު ގަބުރެއް ނަގައިގަނެ، ގާޑިޔަލަށް އަރުވާންފެށި ތަނެވެ. ހަތަރު ގަބުރު ލައިގެން އެ މީހުން ނައްޓާލައިފިއެވެ.
އާދަނާއާ ދިމާއަށް ރުޅިވެރި ނަޒަރަކުން އެ ތިން މީހުން ބަލައިލިއެވެ. ދެން ދިމާކުރާނީ އާދަނާއާ ކަންނޭނގެއެވެ. އެ ހާލުގައި އޭނާ ހުއްޓާ އައިސް އިތުރަށް އަނިޔާދޭން ފަށައިފި ނަމަ، އެ ފަކީރުގެ ހަށިގަނޑާ ފުރާނަ ވަކިވާކަށް ގިނަ އިރެއް ނުނަގާނެއެވެ. ކުރިން ވެސް އޭނާއަށް ވަނީ އެހައި އަނިޔާ ކޮށްފައެވެ.
ނަސީބު ރަނގަޅީ ކަންނޭނގެއެވެ. ކަން ދިމާވީ ހީކުރި ގޮތަކަށް ނޫނެވެ. އެ މީހުންގެ އަނިޔާގެ ސިލްސިލާއަށް އެހައި ހިސާބުން އެ ދުވަހަށް ނިމުން ގެނެސްފައި، އެ ތިން މީހުން ގޮސް ވަނީ ފުލުސް އޮފީހަށެވެ. އެހައިތަނުން އެހެން ދެ މީހަކު އައިސް ބަނދެފައި ހުރި ތަންތަނުން އާދަނާ މޮހާލައިފިއެވެ. އެއަށްފަހު އަތުލަފިކޮށްގެން ގެންގޮސް، ފެންޑާ ތެރެއިން ތަންކޮޅެއް ދުރުގައި ހުރި ކޮޓަރިއަކަށް ވައްދައިފިއެވެ. އެ ތަނުގައި ހުރި އެނދެއްގައި އާދަނާ ބާއްވާފައި، އެ ދެ މީހުން ހިނގައްޖެއެވެ. އިރުކޮޅަކުން ޑޮކްޓަރަކު އައިސް އާދަނާއަށް ފަރުވާދޭން ފެށިއެވެ.
ފަރުވާއަށް ފެށިތާ ތިންހަތަރު ދުވަހެއް ވީއިރު އާދަނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ލުއިކަން ލިބޭން ފަށައިފިއެވެ. ހަށިގަނޑުގެ އެ ތަން މި ތަނުގައި ލާފައި ހުރި ޒަޚަމްތައް ރަނގަޅުވާން ފަށައިފިއެވެ. އެހެންނަމަވެސް ހިތުގައި ލާފައިވާ ފުން ޒަޚަމްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަގާ ދިލައާއި އަޅާ ވޭނަށް ލުއިކަމެއް ނުލިބެއެވެ. އެ ދުވަހެކޭ ތަފާތެއް ނެތެވެ.
އާދަނާގެ ދެ ލޮލުން އަބަދާއި އަބަދު ހުންނަނީ ކަރުނަ އޮހިއޮހިއެވެ. ލޯ މަރައިލިޔަސް، ލޯ ހުޅުވާލިޔަސް އެ މަންޒަރު އޭނާއަށް ފެންނަ ކަހަލައެވެ. އެ ވޭނޫ އަޑު އިވޭ ފަދައެވެ. ހައްވާދިޔެގެ ޢިތްފަތްތެރިކަން ފޭރިގަންނަމުން ދާ މަންޒަރެވެ. އެ އަނިޔާއަށް ކެތްނުވެގެން އޭނާ ރޮއި ހޭރި އާދޭސްކުރާ އަޑެވެ.
އެ ދުވަހު އެ ހާލުގައި އޮއްވާ، ގެންގޮސް ގޮޅިއަށް ވެއްދުފަހުން އޭނާއަކަށް ހައްވާދިޔެގެ އެއްވެސް ޚަބަރެއް ނުލިބެއެވެ. އުޅޭ ހާލެއް ނޭނގެއެވެ. އޭގެފަހުން އޭނާގެ އިފަތްތެރިކަމަށް އަރައިގަތީ ކިތައް ފަހަރު ކިތަން މީހުންކަމެއް ވެސް ނޭނގެއެވެ. އާދަނާގެ ހިތާމަ ބޮޑުވަމުން އަންނަނީ މި ޚިޔާލުތަކާއި ވަސްވާސްތައް ހިތުގައި އުފުލި ބޮޑުވަމުން އަންނާތީއެވެ.
ހައްވާދިޔެ އޮތީ އޭނާގެ ކުޑަކުޑަ ގޮޅީގައެވެ. ރޯލަރޯލައެވެ. އޭނާގެ ހާލަކީ ވެސް އެއެވެ. މިތުރަކީ ހިތާމައެވެ. ބައިވެރިއަކީ ކަރުނައެވެ. އެތައް އަނިޔާއަކަށްފަހު އާދަނާ ގެންދިޔަ ތަނެއް ހެދި ގޮތެއް ނޭނގޭތީ ކުރެވޭ ހިތާމައެވެ. ހިތް ބުނަނީ އެންމެ ހިތްދަތިވާ ގޮތަށެވެ. ދެރަވެ ރޮވެނީ އެހެންވެއެވެ. އޭނާ އޮންނަނީ އަބަދާއި އަބަދު ދުޢާކޮށްލަ ކޮށްލައެވެ. މި އަނިޔާވެރިކަމުން މިންޖުވޭތޯއެވެ. މި ދުވަސްތަކަށް ނިމުމެއް އާދޭތޯއެވެ.
ހައްވާދިޔެ ކުރަމުން ގެންދާ ހިތާމަ، ބާކީ ތިބި އަނެއް ދިހަ ދިވެހިން ވެސް އަންނަނީ ކުރަމުންނެވެ. އެ މީހުން ވެސް ތިބީ އާދަނާއަށް ވީ ގޮތެއް ނޭނގޭތީ ކަންބޮޑުވެފައެވެ. އާދަނާގެ ޚަބަރެއް އޮޅުންފިލާތޯ މީގެ ދެ ދުވަހެއްވަރު ކުރީން، ޖަލު ބަލަހައްޓާ މީހެއްގާތު އަހުމަދުދީދީ ސުވާލުކުރިއެވެ. ޖަވާބު ލިބުނީ އޭނާގެ އަތުގައި އޮތް އެއްތެޔޮގަނޑުން އަހުމަދުދީދީގެ ކޮނޑުމައްޗަށް އެރި ހޫނު ހަމަލާއަކުންނެވެ. އެހެންކަމުން އިތުރަށް އެ ސުވާލު ކުރާކަށް ނުކެރެއެވެ.
އާދަނާއަށް އަނިޔާކޮށް، އިނގިރޭސީންގެ ހަތަރު މީހުން މަރާލިތާ ހަވަނައަށް ވީ ދުވަހެވެ. ވޭތުވެ ދިޔަ ފަސް ދުވަހަކީ ތަންކޮޅެއް އަމާންކޮށް ދިޔަ ފަސް ދުވަހެވެ. ގޮޅިން ބޭރަށް ނެރެގެން އެއްވެސް މީހަކަށް އަނިޔާއެއް ނުކުރެއެވެ. ގޮޅިތަކަށް ވަދެ، އާދައިގެ މަތިން އެ މީހުންގެ ހިތްހަމަޖެހުމާއި އުފަލަށް ޓަކައި އަނިޔާނުކުރާ ވާހަކައެއް ނޫނެވެ.
އެ ދުވަހުގެ އިރު އޮއްސި އިރާކޮޅުގެ ވަގުތެވެ. އަހުމަދުދީދީ އޮތީ އޭނާގެ ގޮޅީގައި އޮށޯވެލައިގެންނެވެ. ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. މެންދުރު ގެނައި ކައިއޮތިކޮޅަށްފަހު އަދި ކާ އެއްޗެއް ނުލިބެއެވެ. ރަނގަޅަށް ނުކެވޭތީ މިހާރު އޭނާ ވެސް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އަނަރޫފަވަމުންނެވެ. ހަށިގަނޑު ނިކަމެތިވަމުންނެވެ.
އަހުމަދުދީދީ އޮތީ މިއަދުގެ ހާލަތާ މެދު ފިކުރުކުރުމުގައެވެ. މި އަނިޔާވެރިކަމުން ސަލާމަތްވާނީ ކޮން ދުވަހަކުން ބާވައެވެ؟ އާއިލާއާއި ރައްޓެހިންގެ މަތިން މިއަދު މާ ބޮޑަށް ހަނދާންވާ ދުވަހެކެވެ. އެހެންކަމުން އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ ރަށުގައި އުޅުނު އުފާވެރި ދުވަސްތަކުގެ އެކިއެކި ހަނދާންތަކެވެ. އެ ހަނދާންތައް ހިތުގައި އާވަމުންދާ ވަރަކަށް ދެ ލޮލުން އޮހޭ ކަރުނަ ވަނީ އިތުރެވެ.
މި ކަހަލަ ޚިޔާލުތަކެއްގައި އަހުމަދުދީދީ އޮއްވާ ގޮޅިތަކުގެ ބޭރުން، ކުއްލިއަކަށް އަޑުފަށްގަނޑު ގަދަވެގެން ގޮޅިތަކުގައި ތިބި މީހުންތައް ފުންމަފުންމައިގެން ތެދުވެއްޖެއެވެ. އަހުމަދުދީދީ ވެސް އަވަސް އަވަހަށް ތެދުވެ، ތޭރިތަކުން ބޭރަށް ބަލައިލިއެވެ. ފެނުނީ ހަޅޭއްފަޅޭއްލަވަމުން، ތިން ހަތަރު މީހެއްގެ ގައިގައި ތަޅަމުން ގޮޅިތަކަށް ވައްދާތަނެވެ. މުޅި މާހައުލުގައި އަޑުބައްދާލައިފައި ވަނީ، ފުލުހުންގެ ހަޅޭކުގެ އަޑާއި ކުރާ އަނިޔާގެ ސަބަބުން ބަޔަކު ރޯ އަޑެވެ.
އަހުމަދުދީދީގެ ހިތަށް ބިރުވެރިކަން ވަނެވެ. ވިގޮތެއް ނޭނގެއެވެ. އޭނާ ކަންބޮޑުވީ އޭނާގެ އެކުވެރި ދިވެހިންނަށް ލިބޭ އނިޔާއެއް ބާވައޭ ހިތަށް އަރާފައެވެ. ވީ ގޮތް އެނގުނީ ފަހުންނެވެ. ނަސީބަކުން އެ ރޭ ދިވެހިންގެ އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ލިބުނު އަނިޔާއެއް ލިބުނީ އިނގިރޭސީންގެ ފަސް މީހަކަށެވެ. އެ މީހުން ފިލައިގެން ދިޔުމަށް ޓަކައި ގޮޅިތައް ހަލާކުކޮށްލައިގެން ނިކުތީއެވެ. ޖައްގައްޔާ ދިމާއަށް ދުއްވާގަތް ވަގުތު، ޖަލު ބަލަހައްޓާ މީހުންނަށް ފެނިގެން ވަގުތުން އަތުލައިގަތީއެވެ. އަނިޔާކުރީ އެ ފަސް މީހުންނަށެވެ.
ކޮންމެއަކަސް މި ކުށާ ގުޅިގެން ޖަޕާނު ފުލުހުން ނިންމީ، މިއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ކަމެއް ކަމަށެވެ. މި ކަމުގައި ޖަލުގައި ތިބި އެންމެންގެ ބައިވެރިވުން އޮންނާނޭ ކަމަށް އެ މީހުން ނިންމީ ކަންނޭނގެއެވެ. އެ ހާދިސާއާ ގުޅިގެން ގޮޅިތަކުގައި ތިބި އެންމެންގެ ހަރަތެސްފައިގައި އެ ރޭ ބިޑިއަޅުވައިފިއެވެ. ކުށެއް ނެތި އިތުރު އަނިޔާއެއް އެންމެންނަށް ލިބޭންފެށީއެވެ. މި ފަދަ ކަމެއް ތަކުރާރުވެދާނެތީ އެޅި ފިޔަވަޅެކެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ތަޙުޤީޤު ފެށިއްޖެއެވެ. ފަހަރަކު މީހަކު ގޮޅިން ނެރެގެން ތަހުޤީޤު ކޮޓަރިއަށް ގެންދާން ފަށައިފިއެވެ. ފުރަތަމަ ގެންދިޔައީ އިނގިރޭސީންނެވެ. ފައިގައި އަޅުވާފައި އޮތް ބިޑި ނައްޓުވައިލިޔަސް، އަތުގައި އަޅުވާފައި އޮތް ބިޑި ނައްޓުވައެއް ނުލައެވެ.
ތަޙުޤީޤަށް ގެންދާ ކޮންމެ މީހަކު ވެސް ދިހަ ބާރަ ވަރަކަށް މިނެޓުފަހުން، ގެންނައިރު ހުންނަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. ކޮންމެ މީހަކު ވެސް އަންނަނީ ކޮރުޖަހަމުންނެވެ. ރުއިމުގެ ސަބަބުން މޫނު ހުންނަނީ ރަތްވެފައެވެ. ބައެއް މީހުންގެ ހަށިގަނޑުގެ އެ ތަން މި ތަނުން ލޭ ހިލިފައި ހުންނަތަން ވެސް ފެނެއެވެ.
އިނގިރޭސީންގެ އެންމެން ނިމުމުން ދެން ގެންދާންފެށީ ދިވެހިންނެވެ. ފުރަތަމަ ގެންދިޔައީ 25 އަހަރުގެ ޒުވާނެއް ކަމަށްވާ ވާދޫ އާދަނާއެވެ. (މިއީ ހައްވާދިޔެގެ ފިރި އާދަނާއެއް ނޫނެވެ.) ތަހުޤީޤު ކޮޓަރިއަށް ވެއްދިއިރު ވެސް އާދަނާއަށް ވަނީ ރޮވޭގޮތްވެފައެވެ. ގެންފައިވާ ބިރެއްގެ ބޮޑުކަމުންނެވެ. އިނގިރޭސީންނަށް ކޮށްފައިވާ ބޮޑެތި އަނިޔާ ފެނިފައި ހިތަށް މާ ބޮޑަށް ބިރުވެރިކަން ވަނީއެވެ.
އާދަނާއަށް ރޮވިފައި ހުރި މަންޒަރު ފެނިފައި ތަޙުޤީޤު ކޮޓަރީގައި ތިބި ރަހުމުކުޑަ ތިން އޮފިސަރުންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. މަލާމާތުގެ ފަޑަކަށް ހީނހީނފައި ސުވާލުކުރާން ފަށައިފިއެވެ. އާދަނާއަކަށް ކުރާ ސުވާލެއް ނޭނގެއެވެ. ދޭނެ ޖަވާބެއް ވެސް ނޭނގެއެވެ. އެ މީހުންގެ އަޑު ގަދަވިވަރަކަށް އާދަނާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވީ އިތުރެވެ.
އިރުކޮޅަކުން އެ ތަނުން އެކަކު ފުންމައިގެން ތެދުވެއްޖެއެވެ. ރުޅިއައިސް ފުފިފައި ހުރެއެވެ. ފުރަތަމަ ވެސް އެ ތަނުގައި އޮތް ފަލަ ލަޓިބުރި ނަގައި، ގައިގައި ހުރި ބާރެއްލާފައި އާދަނާގެ ބުރަކަށީގައި ވިހެލައިފިއެވެ. ވީ ތަދެއްގެ ބޮޑުކަމުން އެ ހުރިތަނަށް އާދަނާ ތިރިވިއެވެ. އެއާއެކު އަނެއް އެތި ފަހަރު ބުރަކަށްޓަށް އަމާޒުކޮށް، ދޫކޮށްލައިފިއެވެ. އެހެންނަމަވެސް ކަންދިމާވި ގޮތުން އެ އެތިފަހަރު އެރީ އާދަނާގެ ބުރަކަށްޓަކަށް ނޫނެވެ. ބޮލަށެވެ.
ޖެހިލެއް ބާރުކަމުން، އާދަނާގެ ބޮލުން ބޮޑުތަންގަނޑެއް ފަޅައިގެން ހިނގައްޖެއެވެ. އެއާއެކު ލޭތައް އޮހިގެންފިއެވެ. ބޮލަށް އެނބުރުން އަރައިގެން އާދަނާ ތަޅުންގަނޑުމައްޗަށް ދެމިއްޖެއެވެ. ތިންވަނަ ފަހަރު ވެސް ޖަހަން އޭނާ މަޅައިގަތެވެ. އެހެންނަމަވެސް ދެން ތިބި ދެ މީހުންގެ ތެރެއިން އެކަކު އެ ކަން މަނާކުރުމުން އެ އެތިފަހަރު އާދަނާގެ ގަޔަކަށް ނޭރިއެވެ.
އޭނާގެ އެ އަނިޔާވެރި ހަމަލާއިން އާދަނާ މަރުވީއެވެ. ކޮން ފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ކުށެއް ނެތް ކިތައް މީހުން މި ނުލަފާ މީހުންގެ އަނިޔާވެރިކަމުގެ ތެރޭގައި ދުނިޔެ ދޫކޮށްފައިވާނޭ ބާވައެވެ؟ މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދިވެހިންގެ ދެ ފުރާނަ ދުނިޔެއާ އަލްވަދާޢުކީއެވެ. ކުށެއް ނެތް ދެ މީހުން އަބަދުގެ އަބަދަށް ވަކިވެ ދިޔައީއެވެ. އެތައް ހިތެއް ލެއިން ކަޅިކުރުވާފައެވެ.
އާދަނާގެ ފުރާނަ ނެތް މަސްގަނޑު އުފުލާލައިގެން އެ ކޮޓަރިން ނެރެފިއެވެ. އޭރުވެސް އޭނާގެ ބޮލުން ލޭތައް ފައިބަމުން ދެއެވެ. ގޮޅިތަކުގައި ތިބި ދިވެހީންނަށް މި ހިތްދަތި، ބިރުވެރި މަންޒަރު ފެނުމުން ރޮވުނެވެ. ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުންނާއި ގަތް ބިރެއްގެ ބޮޑުކަމުންނެވެ. މަރުވާ އެހެން ވެސް މީހުންނަށް ހަދާގޮތަށް އާދަނާގެ ހަށިގަނޑު ވެސް ގެންގޮސް މަގުމައްޗަށް އެއްލައިލައިފިއެވެ. އެހައިތަނުން އުފުލާ މީހުންނާ ހަވާލުވީއެވެ.
އާދަނާ މަރުވުން ކަމެއް ނޭނގެއެވެ. އެ ދުވަހުގެ ތަޙުޤީޤު އެހައި ހިސާބުން ނިންމާލައިފިއެވެ. އެހެންނަމަވެސް ނިންމާލީ، ކުރީ ރޭ ގޮޅިތަކުން ނިކުމެ ފިލާން މަސައްކަތްކުރި ފަސް އިނގިރޭސީން އެ މީހުން ތިބި ގޮޅިތަކުން ނެރެގެން ގެންގޮސް، އެއަށްވުރެ އަދަބު ބޮޑު ގޮޅިތަކެއްގައި ހައްޔަރުކޮށްފައެވެ.
ދުވަހަކަށްފަހު ދުވަހެއް މާޒީއާ އެކުވަމުން ދެއެވެ. އިނގިރޭސީންގެ ފަސް މީހަކު ގޮޅި ހަލާކުކޮށްލައިގެން ފިލާން މަސައްކަތްކުރިފަހުން ވެސް ހަ ދުވަސް ފާއިތުވެ ހިނގައްޖެއެވެ. މިއަދަކީ ގޮޅިތަކުގައި ތިބި ހައްޔަރީންނަށް ތިން އުފަލެއް ލިބުނު ދުވަހެކެވެ. އެއް އުފަލަކީ މި ވޭތުވެދިޔަ ފަސް ދުވަހު، ހަތަރެސް ފައިގައި އަޅާފައިވާ ބިޑި ނައްޓާލައި، އެ އަނިޔާއިން ސަލާމަތްވުމެވެ. ދެވަނަ އުފަލަކީ، ނުބައި ޝައިޠާނުންތަކެއް ފަދަ އޮފިސަރުންގެ ޑިއުޓީ ބަދަލުވެ، އާ ބަޔަކު ޖަލު ބަލަހައްޓަން އައުމެވެ. ތިންވަނަ އުފަލަކީ ދިވެހިންނަށް މިއަދު ލިބުނު އެންމެ ބޮޑު އުފަލެވެ. އާދަނާއަށް ވީނުވީއެއް ނޭނގޭތީ، އެ ކަމުގެ ކަންބޮޑުވުމުގައި ތިއްބާ، އޭނާ ހެޔޮ ހާލުގައި ސަލާމަތުން ހުރިކަން އެނގުމެވެ.
ކުރިން ޑިޔުޓީގައި ތިބި އޮފިސަރުން ގޮސް، އާ ބަޔަކު ޖަލާ ހަވާލުވުމާ އެކު، އާދަނާ ގެނެސް އޭނާގެ ގޮޅިއަށް ވައްދައިފިއެވެ. އޭރު އޭނާގެ ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އައިސް ވަނީ ވެސް އަމިއްލައަށް ހިނގާފައެވެ. ކޮންމެވެސް ވަރެއްގެ ކޮރެއް ޖެހި ނަމަވެސް ވޭން ކުޑައެވެ. ގައިގެ ތަންތަނުގައި ބެންޑޭޖާއި މަލަން އަޅާފައި ހުއްޓެވެ.
އާދަނާ ފެނިފައި އެންމެ ބޮޑު އުފަލެއް ލިބުނީ، އާދަނާ ނެތުމުގެ ހިތާމައިގައި މޮޅިން މޮޅި ސާލު އޮޅާލައިގެން ރޮއިރޮއި އިން އޭނާގެ އަންހެނުން ހައްވާދިޔެއަށެވެ. ފުލުހުންގެ ބެލުމުގެ ދަށުން އާދަނާ މަޑުމަޑުން ހިނގާލައިފައި އަންނަތަން ތެނިފައި، ލިބުނު އުފަލެއްގެ ބޮޑުކަމުން ހައްވާދިޔެގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ހިފަހައްޓަ ހިފަހައްޓާ ހުއްޓާ ވެސް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. އޭނާ ބޭނުންވީ ގޮޅިން ނިކުމެގެން ދުވެފައި ގޮސް، އާދަނާގެ ގައިގައި އޮޅުލައިގަންނާށެވެ. އެ ހަށިގަނޑުގައި ބޮސްދޭށެވެ. ފިރުމައިދޭށެވެ. ހިތް ނުފުރުނަސް، ފުރޭންދެން ވާހަކަ ދައްކައިލާށެވެ. އެހެންނަމަވެސް އެ ބަދުނަސީބު ހައްވާދިޔެއަކަށް، އެ ފުރުސަތެއް ނުލިބުނެވެ. އާދަނާ ގެންގޮސް އޭނާގެ ގޮޅިއަށް ވައްދައި، ތަޅުލާފައި ފުލުހުން ހިނގައްޖެއެވެ.
އާ ބަޔަކު ޖަލާ ހަވާލުވުމުން ހެޔޮ ބަދަލެއް އަންނާނޭކަމަށް ހައްޔަރީން ދުށްޓެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ތަޖުރިބާކުރާން ޖެހުނު އަނިޔާއާއި ހިތްދަތިކަން ކުޑަވެދާނޭކަމަށް އުއްމީދުކުރެވުނެވެ. ނިމިގެން އެ ދިޔަ ބައިގަނޑަކީ، ދިވެހިންގެ ތޭރަ މީހުން ޖަލަށް ވަންފަހުން، މި ދިޔަ ދުވަސްތަކުގައި ޖަލާ ހަވާލުވި އެންމެ އަނިޔާވެރި ބައިގަނޑެވެ.
ފޮނި އުއްމީދުތަކެއް ކުރެވުނު ނަމަވެސް، އަލަށް މި އައި މީހުން ވެސް ވަކި ސަހަލު ބައެއް ހެނެއް ހިޔެއް ނުވެއެވެ. އެ މީހުން ޖަލާ ހަވާލުވި ދުވަސް ނޫން އަނެއް ދުވަހު، އެ މީހުންގެ އަނިޔާވެރިކަން ހައްޔަރީންނަށް ދައްކާލިއެވެ. ގޮޅި ހަލާކުކޮށްލައިގެން ފިލާން މަސައްކަތަކުރި ފަސް އިނގިރޭސީންނަށް ކޮށްލި އަނިޔާއިންނެވެ. އެ ދުވަހު ހެނދުނު ނުވައެއްޖަހައި އެހައިކަންހައި އިރު، އެ ފަސް މީހުން ގޮޅިތަކުގެ ކުރިމައްޗަށް ނެރެ، ދަނގަނޑުތަކުގައި، މީހަކާ ޖެހ މީހަކު ބަނދެލިއެވެ. އެއަށްފަހު ދެ މީހަކު ކުރިއަށް ޖެހިލައި، އަތުގައި އޮތް އެއްތެޔޮގަނޑެއް ކަހަލަ ދިގު ދަނޑިގަނޑަކުން ތަޅައިގަތެވެ. ވަކި ތަނެއް ބެލުމެއް ނެތެވެ. ތެޅިތެޅީނުން ހިރިނުލެވޭވަރު ކޮށްފައި ހުއްޓާލައިފިއެވެ. އޭރު އެ ފަސް މީހުން އަޑުން އަޑުނަގައި ރޮމުން ގެންދެއެވެ. ގައިގެ ތަންތަން ފަޅަފަޅައިގެން ގޮސް، ލޭތައް އޮހެމުންދެއެވެ.
ހިތްހަމަޖެހޭ ވަރަށް އަނިޔާކޮށްލެވުމުން، އަނެއްކާވެސް ގެންދިޔައީ ކުރީން ވެސް ބައިތިއްބާފައި ތިބި އަދަބު ބޮޑު ގޮޅިތަކަށެވެ. އެހައިތަނުން ގޮޅިތަކަށް އަމާންކަން ވެރިވެއްޖެއެވެ. އިސް އޮފިސަރުން އެކި ތަންތަނަށް ވަދެ ގެއްލިއްޖެއެވެ. މިހާރު ފެންނަނީ ހަމައެކަނި ޖަލު ބަހައްޓާން ތިބި ފުލުހުންނެވެ.
އެ ދުވަހުގެ އަސުރުން އިރުތިރިވިފަހުން އިސް އޮފިސަރުންގެ ޓީމެއް ދައްކާލައިފިއެވެ. އެ މީހުން ޖަލުގެ ގޮޅިތަކަށް ޒިޔާރަތްކުރާން ފަށައިފިއެވެ. މިއީ ގޮޅިތަކަށް މި މީހުން ވަންނަ ފުރަތަމަ ފަހަރެވެ. އެއްކޮޅުން ފަށައިގެން ފަހަރަކު ގޮޅިއަކަށް ވަންނަމުން ދިޔައެވެ. ބައެއް މީހުންގެ ގައިގައި ތަޅައި އަނިޔާކުރާކަން އެނގެއެވެ. “ކުށްވެރީންނަށް” އަނިޔާއެއް ދެވުމަކީ، އެ މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަންނޭނގެއެވެ.
ގޮޅިތައް ބަލާން ފެށުމުން އެންމެ ބޮޑަށް ކަންބޮޑުވީ އާދަނާއާއި ހައްވާދިޔެއެވެ. ކުރީ ފަހަރު ކަންދިމާވި ހިތްދަތިގޮތް އޭނާގެ ހިތުގައި ދެ ފަރާތުން ތަޅަންފެށީއެވެ. ހައްވާދިޔެ ކަންބޮޑުވީ، އެ މީހުންނަށް ހައްވާދިޔެ ފެނުމުން ކުރީގައި ތިބި މީހުން ކަންކުރި ފަދަ އަނިޔާވެރި ގޮތަކަށް ކަންކޮށްފާނެތީއެވެ. އާދަނާގެ ކަންބޮޑުވުމަކީ ވެސް މިއެވެ. އޭނާގެ ލޯބިވާ އަނބިމީހާއަށް އެ ފަދަ އަނިޔާއެއް ތަކުރާރުވާކަށް އޭނާ ނޭދެއެވެ.
ހައްޔަރުގައި ތިބި އިނގިރޭސީންގެ ގޮޅިތައް ބަލައި ނިމުމަށްފަހު، ދިވެހީން ތިބި ގޮޅިތަކަށް ވަންނާން ފަށައިފިއެވެ. ފުރަތަމަ ވަނީ މާބޭގެ ފުޅު އޮތް ގޮޅިއަށެވެ. ފުޅަކީ 26 އަހަރުގެ ޒުވާނެކެވެ. އިސްކޮޅުން ކުރުކޮށް މޮޓާކޮށް ތިބި ތިން އޮފިސަރުން ފެނިފައި، ފުޅަށް ފުންމައިގެން ތެދުވެވުނެވެ. އޭނާ ބިރުން ތެޅެގަތްގޮތުން، އެ ތިން އޮފިސަރުން ލޯ އަޅައިލިއެވެ. އެކަކުގެ އަތުގައި އޮތް އެއްތެޔޮގަނޑުގެ ކޮޅުން ފުޅުގެ ދަތްދޮޅިދަށުގައި ޖައްސައި ދަތްދޮޅި އުފުލައިލިއެވެ. އެ ވަގުތު އަނެކަކު ގޮށްމުށްކަވާފައި، ފުޅުގެ ބަނޑުކޮޅުގައި ޖަހައިފިއެވެ. ވީ ތަދުން އެ ހުރި ތަނުގައި ފުޅަށް އިށީނދެވުނެވެ. އެ މީހުން މަލާމާތުގެ ފާޑަކަށް ހެމުން، ބަހަކުން ބަހެއް ނުބުނެ، ނިކުމެގެން ހިނގައްޖެއެވެ.
ފަހަރަކު މީހެއްގެ ގޮޅިއަށް ވަންނަމުން ގޮސް، މި ފަހަރު އެ ދެ އޮފިސަރުން ވަނީ އެޅެފުތާގެ އަލިފުތާ ބާއްވާފައި އޮތް ގޮޅިއަށެވެ. އެއީ ވެސް 26 އަހަރުގެ ނޫކަށި ޒުވާނެކެވެ. އެ މީހުން ގޮޅިއަށް ވަންއިރު، އަލިފުތާއަށް އޮތީ ނިދިފައެވެ. އޭނާއަށް ހޭލެވުނީ، އެ ތަނުން އެކަކުގެ ބަރު ބޫޓުން ވަރަށް ބާރަށް ތަޅުންގަނޑުމަތީގައި ޖެހުމުންނެވެ. ހޭލެވުމާ އެކު އަލިފުތާ ލޯ ހުޅުވައި ބަލައިލިއެވެ. އެއަށްފަހު އަނެއްކާ ވެސް ލޯ މަރާލީއެވެ. އެއީ އޭނާ ހަމަ ގަސްތުގައި ކުރި ކަމެކެވެ. ކުށެއް ނެތި ކުރާ ދުއްތުރާލާއި އަނިޔާ ބޮޑުކަމުން، ޖަޕާނުގެ އޮފިސަރެއް ފެނުނަސް، މިހާރު އޭނާ ގާތަށް އަންނަނީ ރުޅިއެވެ. ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. އޭނާއަށް އެ ގޮތަށް ކަންތައް ކުރެވުނު ސަބަބަކީ އެއީއެވެ.
އަލިފުތާ ދެ ލޯ މަރައިލުމުން، އެ މީހާ އަނެއްކާވެސް ފަޔަށް ބާރުލާފައި، ބޫޓުން ތަޅުންގަނޑު މަތީގައި ޖަހައިފިއެވެ. އަލިފުތާ ހަމަ އަޅައިވެސްނުލައި އޮތްގޮތަށް އޮތެވެ. އަޑެއް އިވޭކަމަށް ވެސް ނަހަދައެވެ. އޭނާގެ މި އަދަބާ ޚިލާފު އަމަލުގެ ސަބަބުން، ތިން އޮފިސަރުންގެ ރުޅިވެރިކަން ހައްދުންނެއްޓިއެވެ. ގޮޅިތަކުގައި ތިބޭ ކުށްވެރިންގެ އަމަލުތައް އެ ގޮތަށް ހުރެގެން ނުވާނެއެވެ. އެ މީހުން ފެނުމުން އިހުތިރާމްކުރާން ޖެހޭނެއެވެ. އަދަބުވެރިވާން ޖެހޭނެއެވެ. ބިރުގަންނާން ޖެހޭނެއެވެ. އެ ކަން ނުފެންނަ ނަމަ، އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
ތިން އޮފިސަރުންގެ ތެރެއިން އެންމެ ފަލަކޮށް ހުރި އޮފިސަރު ކަރުން ނަރުނާރުނަގައި ހަޅޭއްލަވައިގަތެވެ. އޭނާގެ އެ ބިރުވެރި ބާރު އަޑު، ހުރިހައި ގޮޅިތަކުގައި ގުގުމައިގަތެވެ. އަލިފުތާ ވެސް ސިހުނެވެ. އޭނާ ލޯ ހުޅުވައިލިއެވެ. ތެދުވާންވެގެން އުޅުނެވެ. އެހެންނަމަވެސް ތެދުވާކަށް ނުޖެހުނެވެ. އެ މީހާ ކުރިއަށް ޖެހިލުމަށްފަހު، އަލިފުތާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނަގައިފިއެވެ.
ރުޅި އައިސް ދެ ލޮލުން ރަންކަނި ބުރަބުރާ ހުރި އޮފިސަރުގެ ދެ ދަތްޕިލަ ވަނީ ޖެހި ބާރުވެފައެވެ. އަލިފުތާ ވަނީ ވަރަށް ބޮޑަށް ކުށްވެރިވެފައެވެ. އެ މީހުންނަށް ކުރަންވާ އިހުތިރާމްގެ އެއްވެސް ސިފައެއް އޭނާގެ ފަރާތުން ނުފެނުމުންނެވެ. އޭނާ ރުޅިއައިސް ރަތްވެފައި ހުރެ، އެ މީހުންގެ ބަހުން ކޮންމެވެސް އެއްޗެކޭ ކިޔައި ހަޅޭއްލަވައިގަތެވެ. އަލިފުތާ އަޅައިވެސް ނުލައެވެ. އޭނާ މޫނުމަތީން ކަންބޮޑުވުމެއް ހާސްކަމެއް ނުފެނެއެވެ.
އަލިފުތާގެ މޫނުމަތިން ނުތަނަވަސްކަމާއި ހާސްކަން ނުފެނުމުން ވެސް، އެ މީހުންގެ ރުޅި ވީ އިތުރަށް ގަދައެވެ. އެ ދެ މީހުން ވަކި ގޮތެއް ނުބަލައި، އޭނާގެ ގައިގައި ތަޅައިގަތެވެ. ހިތު ހުރި ވަރަކަށް އަނިޔާކޮށްލާފައި ގޮޅިތެރެއަށް އެއްލައިލައިފައި، ނިކުމެގެން ހިނގައްޖެއެވެ. އެ ދުވަހު ދެން އިތުރު ގޮޅިއަކަށް އެ މީހުން ނުވަދެއެވެ،
އަލިފުތާގެ ހާލު ވަރަށް ބޮޑެވެ. އޭނާއަށް ކުރި އަނިޔާގެ ބޮޑުކަމުން އެ މީހުން ދިޔަތާ މާ ގިނައިރެއް ނުވެ އަލިފުތާ ހޭނެތިއްޖެއެވެ. އޭނާ ގޮޅީތެރޭގައި ހޭނެތިފައި އޮތީ، މަރަށް ދެމިދެމި އޮތް ހާލުގައެވެ. އެހެންނަމަވެސް މި ކަން އެނގޭ މީހަކު އެ ތާކު ނެތެވެ. ހަމްދަރުދީގެ ލޮލަކުން ބަލައިލާނެ މީހަކު، އޯގާވެރި އަތަކުން ހޭހަންކޮށްދޭނޭ މީހަކު އަމުދުން ނެތެވެ. ރޭގަނޑު ކާން ގެންނަ މީހާ އައިސް ގޮޅިއަށް ވަންއިރު އަލިފުތާ އޮތީ މަރުވެ ހަރުދަނޑިވެފައެވެ. އެ މީހާ ނިކުމެގެން ދިޔަތާ ކުޑަ އިރުކޮޅެއްފަހުން ދެ މީހަކު އައިސް އަލިފުތާގެ ފުރާނަ ނެތް މަސްގަނޑު އުފުލާލައިގެން ގެންގޮސް، މަގުމައްޗަށް އެއްލައިލައިފިއެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން ދިވެހިންގެ އެކަކަށް ވެސް އަލިފުތާ މަރުވިކަމެއް އެ ރެއަކު ނޭނގެއެވެ. އެކަން އެނގުނީ ޖެހިގެން އައި ދުވަހު ފުލުހުންގެ މީހެއްގެ ކިބައިންނެވެ.
ދުވަސްތައް ހޭދަވަމުން ދެއެވެ. އަނިޔާއަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ޑިއުޓީ ބަދަލުވާ ކޮންމެ ދުވަހަކީ އަނިޔާގެ ސިލްސިލާ ވަކިން ހޫނުވާ ދުވަހަކަށް ވެއްޖެއެވެ. މި ކަހަލަ ގޮތަކަށް ހައެއްކަ މަސް ހޭދަވެގެން ދިޔައިރު، އިތުރު ދެ ދިވެހިން މަރުވެއްޖެއެވެ. ނުވަތަ މަރާލައިފިއެވެ. ޖަޕާނު ސިފައިންގެ ގަދަފަދަ އަނިޔާގެތެރޭގައެވެ. އެއީ އެޅެފުތާގެ މުހައްމަދާއި މާބޭގެ ފުޅެވެ. މުޅިންވެސް ޒުވާނުންނެވެ.
މިހާރު ދުނިޔޭގައި ތިބީ އިނގިރޭސީންގެ އަށް މީހުންނާއި ދިވެހިންގެ އަށް މީހުންނެވެ. ދިވެހީންގެ ތެރެއިން ދުނިޔޭގައި ތިބީ، އަހުމަދުދީދީއާއި މާބާގެ ރެކިފުތާއި މީހާބެއްޔާގެ އާދަމްފުތާއި ކުދުމޫސުބެއްޔާގެ ފުތާގެ މޫސާފުތާއި އެޅެފުތާގެ މުހައްމަދުކަލޯއާއި ފިޔޯރީ އާދަނާއާއި ހައްވާދިޔެއާއި އޭނާގެ ފިރި އާދަނާއެވެ. މި ސޯޅަ މީހުންނަށް ވެސް ޖަޕާނު ސިފައިންގެ ފަރާތުން ބޮޑެތި އަނިޔާތައް ވަނީ ލިބިފައެވެ. ފުރާނަ ނުހިއްޕަވާތީ ދުނިޔޭގައި ތިބީއެވެ. އެއިން ކޮންމެ މީހަކު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައެވެ.
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދެއެވެ. އެއްވެސް ތަފާތެއް ނެތިއެވެ. މިއަދަކީ ވެސް އެ ފަދަ ދުވަހެކެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެވެ. މެންދުރު ކައިގެން އެންމެން ގޮޅިތަކުގައި ޖައްސާލައިގެން ތިއްބެވެ. ޖަލުގެ ގޮޅިތަކުގައި އެހެން ތިބެތިބެ، އެންމެން ވެސް މިހާރު ތިބީ، ރަނގަޅަށް ފެނަށް ދިރިފައެވެ. ގެންނަ ކާތަކެތި ވެސް މިހާރު ކެވެއެވެ. ނިދަން ބޭނުންވުމުން ނިދާލެވެއެވެ. އެކަހެރި ދިރުއުޅުމަށް ހޭނިއްޖެއެވެ. ކުށެއް ނެތި ކުރާ އަނިޔާތައް ހަށިގަނޑު ވެސް ބަލައިގަންނަމުން ދާ ކަހަލައެވެ.
މެންދުރު ކާން ގެނައި ފެންބަތްގުޅަ ކައިގެން، ހައްވާދިޔެ އޮތީ އޭނާގެ ގޮޅީގައި އޮށޯވެލައިގެންނެވެ. ކުޑަކޮށް ނިދިޖެހިފައެވެ. ހައްވާދިޔެގެ ހަށިގަނޑު މިހާރު ފެންނަނީ ވަރަށް ކަމީނާކޮށެވެ. އެހެން އޮއްވާ އޭނާ ސިހުނީ، ގޮޅިއަށް މީހަކު ވަން އަޑަށެވެ. ބަލައިލިއިރު، ފުލުހުންގެ އޮފިސަރެކެވެ. އޭނާ ފެނުމުން ހައްވާދިޔެއަށް ފުންމައިގެން ތެދުވެވުނެވެ.
އޮށޯވެލައިގެން ފިކުރުގެ ދުނިޔެއެއްގައި އޮތް އާދަނާއަށާއި ގޮޅިތަކުގައި ތިބި އެހެން މީހުންނަށް ވެސް ކުއްލި ސިހުމެއް ލިބުނީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑަށެވެ. އެ އަޑު ފުރަތަމަ ކަންފަތުގައި ޖެހުމާ އެކު ވެސް، އެއީ ހައްވާދިޔެގެ އަޑުކަން އާދަނާއަށް ކަށަވަރުވިއެވެ. އެ ޖަލުގައި ހައްވާދިޔެ ނޫނީ އަންހެނަކު ނީންނާނެއެވެ. އެހެންނޫނަސް ހައްވާދިޔެގެ އަޑެއް އާދަނާއަކަށް ނޯޅޭނެއެވެ.
ހައްވާދިޔެ އަޑު ކަންފަތުގައި ޖެހުމާ އެކު، އާދަނާއަށް ފުންމައިގެން ތެދުވެވުނެވެ. ދޮރާ ދިމާއަށް ދުއްވައިގަނެވުނެވެ. އެ ދިޔަ ގޮތަށް ގޮސް، ދޮރުގެ ދަގަނޑު ތޭރިތަކުގައި ދެ އަތުން ބާރަށް ހިފަހައްޓައިގެން ހުރެ، ދެ ލޯ ބޮޑުކޮށްފައި ބޭރަށް ބަލަންފެށިއެވެ. އޭރު އެހެން ގޮޅިތަކުގައި ތިބި މީހުން ވެސް ތިބީ، ހައްވާދިޔެގެ އަޑާ އެކު، ދޮރު ކައިރިއަށް އައިސް ބޭރަށް ބަލާށެވެ.
ހައްވާދިޔެގެ ގޮޅިއަކުން މީހަކު ނުފެނެއެވެ. އިވެނީ އޭނާގެ ރުއިމާއި އާދޭހުގެ އަޑެވެ. ވޭން ގަދަ ހިތްދަތި އަޑެކެވެ. އެ އަޑު އައީ ހިނދެއް ހިނދަކަށް މަޑުވަމުންނެވެ. އޭނާގެ ދެ ލޮލަށްވުރެ އަގު ބޮޑު، ލޯބިވާ އަނބިމީހާ އުޅެމުން އެ ގެންދަނީ ކޮން ފަދަ އަނިޔާވެރި ހިތްދަތި ދުނިޔެއެއްގައި ހެއްޔެވެ؟ ތަހަންމަލުކުރާން ޖެހިފައި އެ ވަނީ ކޮން ފަދަ ބޮޑެތި ވޭނީ އަނިޔާތަކެއް ހެއްޔެވެ؟ އާދަނާގެ ހިތް ކުދިކުދިވަމުން ދެއެވެ. އެ ހިތުން ހުއްޓުމެއް ނެތި ލޭ އޮހެމުންދެއެވެ. ދެ ލޯ ވަނީ ކަރުނައިން ފޯވެ، ބަރުވެފައެވެ.
އާދަނާގެ ދެ ލޮލުން ހިފެހެއްޓުމެއްނެތި އޮހެމުން ދިޔަ ކަރުނައަށް ފަނަރަވަރަކަށް މިނެޓް ފަހުން، ހުއްޓުން އައީ ހަމަ ކުއްލިއަކަށެވެ. އޭނާގެ ބަލިކަށި ދެ ލޯ، އޭނާއަށް ދެއްކި މަންޒަރެއްގެ ސަބަބުންނެވެ. އޭނާއަށް ފެނުނީ، ހައްވާދިޔެގެ ގޮޅިން ފުލުހުންގެ އޮފިސަރަކު ނިކުތްތަނެވެ. އިސްކޮޅުން ކުރުކޮށް ފަލަކޮށް ހުރި އޮފިސަރެކެވެ. ދަލުން ފޯވެފައި ހުރި އެ ވަހުޝީ ކަލޭގެ ފެނިފައި އާދަނާގެ ނާރުތަކުގައި ހިނގަހިނގާ ހުރި ލޭ ވަގުތުން ކެކިގަތެވެ. ދެ ލޮލުން ފައިބައިފައި ހުރި ކަރުނައިގައި އެ ހޫނުކަން ހިފައިލިއެވެ.
އާދަނާގެ ރަތްވެ، ބޮޑުވެފައިވާ ދެ ލޮލުގެ ކަޅި ހުއްޓިފައި ހުރީ، ހައްވާދިޔެ އޮތް ގޮޅިން ނިކުމެގެން ކުރިއަށް ދިޔުމަށް ހިނގައިގަތް އެ ނުލަފާ އޮފިސަރާ ދިމާއަށެވެ. އޭރު އާދަނާގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. އައިސްފައިވާ ގަދަފަދަ ރުޅިއެއްގެ ސަބަބުން އާދަނާއަށް ކަރުބުޑުން ހަޅޭއްލަވައިގަނެވުނެވެ. މިހިރަ ނުލަފާ ޖަނަވާރާއޭ ކިޔައިފައެވެ. އެ އަޑު މުޅި ޖަލުތެރޭގައި ގުގުމައިގަތެވެ. އޭރު އާދަނާގެ ރުޅި ވަނީ ކޮންޓްރޯލުން ނައްޓާފައެވެ. ދެ އަތާއި ދެ ފައިން ގޮޅީގެ ދޮރުފަތުގައި ތަޅަމުން އެ މީހާއާ ދިމާއަށް އަތް އުކައުކާފައި ދުލަށް އައިހައި އެއްޗެއް އޭނާ ކިޔަމުން ގެންދިޔައެވެ.
މޮޔައަކު ފަދައިން ހަޅޭއްލަވަމުން އެއްޗެހިކިޔަމުން އާދަނާ ގެންދިޔައިރު، ފުލުސް އޮފިސަރު އެ ހުރި ފިޔަވަޅުމަތީގައި އާދަނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ވަރަށް ރަނގަޅަށް އާދަނާގެ ހަރާކާތްތައް ބެއްޔެވެ. އެއަށްފަހު އާދައިގެ ހިނގުމެއްގައި އެ ދިޔަ ގޮތަށް ހިނގައްޖެއެވެ. އޭރު އޭނާގެ މޫނުމަތީން ފެންނާން ހުރި ރުޅިވެރިކަން ބުނެދެނީ ލޭ އޮހެރޭ ފަދަ ވާހަކަތަކެކެވެ.
އެ މީހާ ދިޔުމުން ވެސް އާދަނާގެ އަޑު މަޑެއް ނުވިއެވެ. ލަވާ ހަޅޭކަކަށް ހުއްޓުމެއް ނައެވެ. ހަޅޭއްލަވަމުން ގޮސް އެންމެފަހުން އާދަނާއަށް ރޮވިއްޖެއެވެ. ވަރުބަލިވެ ހަންވުމުން ގޮޅީތެރޭގައި އޮށޯވެ އޮވެ، އަޑުން އަޑުނަގައި އޭނާ ރުޔެވެ. އޭނާގެ ސިކުނޑި ވަނީ ހަމައިން ނެއްޓިފައެވެ. ބޮލުގައި އިންތިހާއަށް ރިހެއެވެ. ދެ އަތާއި ދެ ފަޔަށް ވެސް އިންތިހާއަށް ތަދުވެއެވެ. އެއް ފައި ވަނީ ވަރަށް ބޮޑަށް ދުޅަ ވެސް ވެފައެވެ. އެ ދުވަހުގެ އިރު އޮއްސުނީ އެ ފަދަ ހާލެއްގައި އާދަނާ އޮއްވައެވެ.
އިރު އޮއްސުނުތާ މާ ގިނަ އިރެއް ނުވެއެވެ. ހަމަ ކުއްލިއަކަށް އާދަނާ އޮތް ގޮޅީގެ ދޮރު ހުޅުވިއްޖެއެވެ. އެއާއެކު ފެނުނީ ދެ އޮފިސަރަކު އެ ގޮޅިއަށް ވަންތަނެވެ. އެ ދެ މީހުންގެ ބަރު ބޫޓުގެ އަޑާ އެކު، އާދަނާގެ ވަރުހުސްވެފައިވާ ދެ ލޯ ހުޅުވުނެވެ. ކުރިމަތީގައި ތިބި ދެ އޮފިސަރުން އޭނާއަށް ފެނުނެވެ. އޭނާ ބޭނުންވީ ވަގުތުން ތެދުވާށެވެ. އެ މީހުންގެ ގަޔަށް ބޮލަށް އަރައިގަންނާށެވެ. ފަހު ނޭވާ ދުނިޔެއަށް ދޫކޮށްލުމުގެ ކުރިން، އެ ތަނުން ފުލުހަކަށް އަނިޔާއެއް ދޭށެވެ. އޭނާގެ ޒަމީރު އެ ކަމަށް އެދި އާދޭސްކުރާން ފެށިއެވެ. އެހެންނަމަވެސް އޭނާގެ ކިބަޔަކު ހިތްވަރެއް ނެތެވެ. އަތެއް ފަޔެއް ހަލުވައިލައިހައި ހަކަތައެއް ހަށިގަނޑަކު ނެތެވެ. އެހެންކަމުން އޭނާއަށް ޖެހުނީ އަނެއްކާވެސް ދެ ލޯ މަރައިލާށެވެ.
އެ ދެ މީހުން އައިސް އާދަނާގެ ގާތަށް ހުއްޓިއްޖެއެވެ. އެތަނުން އެކަކު އާދަނާގެ ބުރަކަށީގައި ބޫޓުން ބޮނޑިއެއް އެޅުމަށްފަހު ގުދުވެ، އޭނާގެ ބޮލުގެ ދިގުވެފައިވާ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނަގައިފިއެވެ. އެ ވަގުތު ވަރުދެރަ ގޮތަކަށް އާދަނާ ލޯ ހުޅުވައިލިއެވެ. މި މަންޒަރު ފެނިފައި އެ މީހާ އަތް ދަމާފައި ވަރުހުރި އެތިފަހަރެއް އާދަނާގެ މޫނުމަތީގައި އަޅައިފިއެވެ. އެއަށްފަހު ދަމާފައި ކަހަލަ ގޮތަކަށް އާދަނާ ގޮޅިން ނެރެފިއެވެ.
ގޮޅިން ނެރެގެން އެ ގެންދިޔަ ތަނަކަށް އާދަނާ ގެންގޮސްފިއެވެ. އާދަނާ ގޮޅިން ނެރުނުކަމެއް، ގެންދިޔަކަމެއް ގޮޅިތަކުގައި ތިބި އެއްވެސް މީހަކަށް ނޭނގެއެވެ. ހައްވާދިޔެއަށް ހަވީރު ލިބުނު ވޭނާއި އަނިޔާތަކަށްފަހު އޭނާ ވެސް އެ ރެއަކު ނުތެދުވެއެވެ. އެ އޮތްގޮތަށް ގޮޅީތެރޭގައި އޮތީއެވެ. ރޮއިލަރޮއިލައެވެ. ކާން ގެނައި ނަމަވެސް ނުކައެވެ. ބަނޑުހައި ނުވާތީއެއް ނޫނެވެ. ހިތްވަރުނެތީއެވެ. އެހެން އޮއްވާ ނިދުނީ ކިހައި އިރަކުކަމެއް ނޭނގެއެވެ.
އެ ރޭ އާދަނާ ހޭދަކުރީ އެ މީހުން އެ ގެންދިޔަ ތަނެއްގައެވެ. ގެންގޮސް ހެދީ ކިހިނެއްކަމެއް، ކުރީ ކީއްކަމެއް ނޭނގެއެވެ. ހިތް ބުނަނީ އެހިސާބުން އާދަނާގެ ދުވަސް ދިޔައީ ކަމަށެވެ. ދިރިހުއްޓާ ވެސް އަދި މަރުވެފައި އޮއްވާ ވެސް ދެން އޭނާއެއް ނުފެންނާނެއެވެ. އޭނާ މިއަދު ކުރި ކަންތަކުގެ ސަބަބުން، ޖަޕާނުގެ ހިތް ހިލަ އޮފިސަރުން އޭނާގެ ކަށިހަފައި ކާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. ރޭގަނޑު އެންމެން ގޮޅިތަކުގައި ނިދާފައި ތިއްބާ އައިސް “ވަގަށް” ގެންދާނީ ވެސް ކޮންމެވެސް ކަމެއް ވެގެންތާއެވެ.
ޖެހިގެން އައި ދުވަހެވެ. ދުވަހަކީ ފެންނަ ފެނުމަށް ހަމަ އާދައިގެ ދުވަހެކެވެ. އަށެއް ޖެހިތަނާ ކަހަލަ ގޮތަކަށް ގޮޅިތަކަށް ހެނދުނުގެ ނާސްތާ ގެނެސްފިއެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ކެވުނު މިންވަރަކަށް ކައިގެން ނާސްތާ ނިންމާލައިފިއެވެ. ހައްވާދިޔެ ވެސް ވަރަށް ހިތްވަރުން ކޮންމެވެސް މިންވަރަކަށް ކެއެވެ. އޭނާ ވަނީ މިހާރު ދުނިޔެމަތިން ފޫހިވެފައެވެ. އުއްމީދު ގެއްލިފައެވެ. މަރަށް އެދެވެނީ މާ ގިނައެއްކޮށެވެ. އެހެންނަމަވެސް އަތުންފައިން ގޯހެއް ނުހަދަށް، އަމިއްލަ ނަފުސަށް އަނިޔާއެއް ނުދޭން، އޭނާ ވަނީ މާ ކުރީން ވެސް ޢަޒުމުކަނޑައަޅާފައެވެ.
އެ ދުވަހުގެ ދިހައެއް ޖަހައި އެހައިކަންހައިރު ކުއްލިއަކަށް ޖަލުތެރޭގައި ގުގުމާލީ، ފުލުސް އޮފިސަރެއްގެ ގަދަފަދަ ބިރުވެރި އަޑެވެ. ގޮޅިތަކުގައި ޖައްސާލައިގެން ތިބި އެންމެން ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވެއްޖެއެވެ. ދޮރުކައިރިއަށް އައިސް ބޭރަށް ބަލައިލިއެވެ. ފެނުނީ ކަންބޮޑުވާ ފަދަ މަންޒަރެކެވެ. ޚާއްޞަކޮށް ދިވެހިންނަށް ވަރަށް ބޮޑު ސިހުމެއް ލިބުނު މަންޒަރެކެވެ. މިއަދަކީ އަނެއްކާ ވެސް ދިވެހިންގެ ލޯތަކުން ކަރުނަ އޮހޭނޭ ދުވަހެކެވެ. ހިތްތައް ފުނޑުފުނޑުވާނޭ ދުވަހެކެވެ. ފެނުނު މަންޒަރާ އެކު، ކޮންމެ މީހަކަށް ވެސް ހިތްދިރުވައިލެވުނެވެ. ކުރިއަށް އޮތީ އަނިޔާވެރިކަމުގެ ވަގުތެވެ. ބަލާން ކެރޭ މީހަކު ބަލާންވީއެވެ.
ހަށިގަނޑުން ވަރު ހުސްވެ ކޮޅަށް ހުންނާން ދަތިވެފައިވާ އާދަނާ ހުރީ، ގޮޅިތަކުގެ ކުރިމަތީގައި ހުރި ދަގަނޑުތަކުން ދެ ދަގަނޑާ އެކު، ހަތަރެސްފައި ރަނގަޅަށް ބަނދެލައިފައެވެ. ބޯ އޮތީ ކަނާތްފަރާތަށް ވެއްޓިފައެވެ. އޭނާގެ ކަރުގައި ބޯ ހިފަހައްޓާނޭހައި ހަކަތަ ނެތީއެވެ. އޭނާގެ ކައިރީގައި ތިން އޮފިސަރުން ތިއްބެވެ. އެއިން ކޮންމެ މީހަކުގެ އަތުގައި ތިން ފޫޓެއްހައި ދިގު ލަޓިގަނޑެއް އޮތެވެ. ހަޅޭއްލަވައިގަތް އަޑު އިވުނީ އެ ތަނުން އޮފިސަރެކެވެ.
މި މަންޒަރު ބަލާން ހުރި ކޮންމެ ދިވެއްސަކަށް ވެސް ހުރެވުނީ، ނޭވާ ހިފަހައްޓާލައިގެންނެވެ. އެ މީހުންގެ އަތުގައި ހުރި ލަޓިގަނޑުތަކަށް ހަރަކާތް އަންނާކަށް ދެނެއް ގިނަ އިރެއް ނުވާނެއެވެ. އެ އަނިޔާވެރި ހަމަލާތަކުގެ ޝިކާރައަކަށް އާދަނާގެ ބަލިކަށި ނަފުސު ވެގެންދާކަށް ގިނަ ވަގުތުތަކެއް ނެތްކަން ކަށަވަރެވެ. އޭނާއަށް ލިބޭން އެ އުޅެނީ ކޮން ކުށެއްގެ އަދަބެއްކަން އެންމެންނަށް ވެސް އެނގެއެވެ.
ކަން ހިނގީ އެ މީހުން ހީކުރި ގޮތަކަށް ނޫނެވެ. އާދަނާގެ ގައިގައި ތަޅައިގަތުމުގެ ބަދަލުގައި ފެނުނީ، އެ ތަނުން އޮފިސަރަކު ގޮޅިތަކާ ދިމާއަށް ހިނގައިގަތްތަނެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނާ ހުއްޓުނީ، ހައްވާދިޔެ އިން ގޮޅިކައިރިއަށެވެ. ވަރަށް ފަރިތަކަމާ އެކު އެ ގޮޅި ހުޅުވާލައިފިއެވެ. އެ ތަނަށް ވަންގޮތަށް ވަދެ، ހައްވާދިޔެގެ އަތުގައި ހިފައި އެ ގޮޅިން ނެރެފިއެވެ. އޭނާގެ އަމަލުތަކުގައި އޯގާވެރިކަމެއް ނެތެވެ. ރަޙުމުގެ ކަންފުޅެއް ވެސް ނެތެވެ. ހައްވާދިޔެގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެނެސް، އާދަނާއާ ފަސްވަރަކަށް ފޫޓު ދުރުމިނުގައި ބައިންދައިފިއެވެ.
ހައްވާދިޔެއަށް އާދަނާ ފެނުނީ އެ ތަނަށް ގެނައިފަހުންނެވެ. އޭނާއަށް އާދަނާ ހުރި ހާލު ފެނިފައި ފުރަތަމަ ވެސް ރޮއިގަނެވުނީއެވެ. އޭނާ އުޅުނީ ތެދުވެގެން އާދަނާއާ ދިމާއަށް ދުއްވައިގަންނާށެވެ. ބޭނުންވަނީ އާދަނާގެ ގައިގައި އޮޅުލައިގަންނާށެވެ. ލޯބިން ބައްދައިލާށެވެ. އެހެންނަމަވެސް އެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ ގާތުގައި ހުރި މީހާ ވަގުތުން އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. އޭނާގެ މަގަށް ހުރަސްއަޅައިފިއެވެ.
ހައްވާދިޔެ ރޮއިގަތް އަޑު ކަންފަތުގައި ޖެހުމާ އެކު، އާދަނާގެ މެރިފައިވާ ދެ ލޯ ހުޅުވުނެވެ. ހައްވާދިޔެ ފެނުމާ އެކު، އާދަނާގެ ދެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބައިގަތެވެ. ހިންދިރުވައިލެވުނީ ހިތްދަތިކަމާ އެކުގައެވެ. ޖަލުގައި ހައްޔަރު ވުމަށްފަހު ވޭތުވެގެން މި ދިޔަ ދުވަސްތަކުގައި މިހާ ގާތުން އާދަނާއަށް ހައްވާދިޔެ ފެނިފައެއް ނެތެވެ. ހައްވާދިޔެއަށް އާދަނާ ވެސް ފެނިފައެއް ނެތެވެ. ދެ މީހުން ތިބި ހާލު އެކަކު އަނެކަކަށް ފެނުމުން، ދެ މީހުންގެ ހިތަށްވެސް ކުރީ ވަރަށް ފުން އަސަރުތަކެކެވެ.
ރޮއިރޮއި އިން ހައްވާދިޔެއަށް އާދަނާގެ ގާތުގައި ތިބި ދެ އޮފިސަރުންނާ ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާގެ ކަރުނައިން ފުރިފައިވާ ދެ ލޯ ބޮޑުވިއެވެ. ދެ ދަތްޕިލަ ޖެހުނެވެ. އެ ތަނުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަކީ، އިއްޔެ އޭނާގެ އިއްފަތްތެރިކަން އައްސުން ފޭރިގަތް މީހާއެވެ. އެ މީހާގެ ހުތުރު ސޫރަ ފެނުމުން ހައްވާދިޔެގެ ހަށިގަނޑުގައި ޒާތެއްގެ ހޫނެއް އުފެދުނެވެ. ފުރަތަމަ ވެސް ބޭނުންވީ ތެދުވެގެން ގޮސް އޭނާ ނޮޅައިލާށެވެ. އެހެންނަމަވެސް އޭނާގެ ގާތުގައި ހުރި އަނިޔާވެރިޔާ އެ ފަދަ ފުރުސަތެއް ނުދޭނޭކަން ކަށަވަރެވެ.
ހައްވާދިޔެ އެ ތަނަށް ގެނައުމަށްފަހު، މާ ގިނަ އިރުތަކެއް އެ މީހުން ހޭދައެއް ނުކުރެއެވެ. އާދަނާގެ ގާތުގައި ތިބި ދެ އޮފިސަރުން ތައްޔާރުވެލައިފިއެވެ. އަތުގައި އޮތް ލަޓިގަނޑު އަތަށް ހެޔޮކޮށްލައިފިއެވެ. އެ މީހުންގެ ހަރަކާތްތަކަށް ގެންނާންފެށި ބަދަލު ފެނިފައި، ހައްވާދިޔެގެ ހިތް ތެޅިގަތެވެ. ދެ ލޯ ބޮޑުވިއެވެ. ޔަޤީނެވެ. އެ މީހުން އެ އުޅެނީ މިއަދު ވެސް އާދަނާއަށް އަނިޔާކުރާށެވެ. ހައްވާދިޔެ ރޮއިގެންފައި އޭނާގެ ގާތުގައި ހުރި އޮފިސަރުގާތުގައި އާދޭސްކުރާންފެށިއެވެ. އާދަނާއަށް އަނިޔާ ނުކުރުމަށް އެދިއެވެ. އެ ކަން ހުއްޓުވައިދިނުމަށް އެދިއެވެ. އެހެންނަމަވެސް އެ އަޑު އަހާނެ މީހަކު އެ ތަނުގައި ހުންނާނެ ހެއްޔެވެ؟
ހައްވާދިޔެ ރޮއިރޮއިފައި އަނެއް ދެ މީހުންގެ ގާތުގައި ވެސް އާދޭސްކުރަމުން ގެންދިޔައެވެ. އެއީ އޭނާގެ ލޯބިވާ ފިރިމީހާކަމަށާއި އޭނާއަށް އަނިޔާ ނުކުރުމަށް އެދިއެވެ. ހައްވާދިޔެގެ މި ރުއިމާއި އާދޭސް އެ މީހުން އަޑުއެހީ، ހިނިއަސްފައި ތިބެ މަލާމާތުގެ ބެލުމަކުންނެވެ. ހައްވާދިޔެއާ ދިމާއަށް އެ ދެ މީހުން ބަލާން ތިބި ގޮތުން ހީވަނީ މި ފަދަ ރުއިމުގެ އަޑަކީ އެމީހުންނަށް އިތުރު އުފަލަކާއި އަރާމެއް ލިބޭ އަޑެއްހެންނެވެ.
ހައްވާދިޔެ ރޮއި އާދޭސްކޮށްކޮށް އިންދާ އެ ތަނުން އެކަކު، އޭނާގެ އަތުގައި އޮތް ލަޓިގަނޑު ދަމާލައި ގައިގައި ހުރި ބާރެއްލާފައި އާދަނާގެ އެއް ފައިގެ ކަށިމަތީގައި އަޅައި ވިހެލައިފިއެވެ. ވަގުތުން ކަށިމަތި ފަޅައިގެން ގޮސް ލޭތައް އޮހިގެންފިއެވެ. ކަރުބުޑުން ނިކުތް ވޭނީ އަޑަކާ އެކު، އާދަނާއަށް ފައި ދަމާ ވާންކޮށްލެވުނެވެ. އެޅި ވޭނެއްގެ ގަދަކަމުންނެވެ. ހަމަ އެވަގުތު، ދެވަނަ މީހާ ހަމަ އެހައި ބާރަށް އަނެއް ކަށިމަތީގައި ޖަހައިފިއެވެ. ފަޅައިގެން ގޮސް ލޭތައް އޮހިގެންފިއެވެ.
މި އަނިޔާވެރި މަންޒަރު ފެނިފައި ހައްވާދިޔެ ހީވީ މޮޔަވިހެންނެވެ. އާދަނާގެ ފައިގައި އެޅި ވޭނަށްވުރެ އޭނާގެ ހިތަށް ލިބުނު އަނިޔާއާއި ވޭން މާ ގަދަވިއެވެ. ކައިރީގައި ހުރި މީހާގެ ދެ ފައިތިލަ މައްޗަށް ވެއްޓިގެންފައި ރޮމުން ހޭރެމުން، އޭނާގެ އާދޭސް ތަކުރާރުކުރާންފެށިއެވެ. އެ އާދޭސްތަކަށް އެ މީހާ ބީރުކަންފަތެއް ދިނުމުން، އެންމެފަހުން ހިތަށް ކެތްނުވެގެން އޭނާ އުޅުނީ ތެދުވެގެން އާދަނާގެ ގާތަށް ދެވޭތޯއެވެ. އެ އަނިޔާވެރި ހަމަލާތަކާއި އާދަނާއާ ދެމެދަށް ވަދެ، އާދަނާ ސަލާމަތްކުރެވޭތޯއެވެ. އެހެންނަމަވެސް ގާތުގައި ހުރި ރަހުމެއް ނެތް އޮފިސަރު ވަގުތުން އޭނާގެ ގައިގައި ހިފަހައްޓައިފިއެވެ.
އެ މީހާ ދެ ލޯ ވަށްކޮށްލާފައި ޖަޕާނު ބަހުން ކޮންމެވެސް އެއްޗެކޭ ބުނެ ހައްވާދިޔެއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އޭރުވެސް ފުލުހުންގެ ދެ އޮފިސަރުން އެ މީހުންގެ ވާޖިބު ކިތަންމެހައި ވެސް ރަނގަޅަކަށް އަދާކުރަމުން ގެންދެއެވެ. އެ މީހަކަށް ޖެހުނު ތަނަކު ޖެހުނު ވަރަކަށް ތަޅަމުން، އާދަނާގެ ކުށަށް އަދަބުދެމުން ގެންދެއެވެ. އެ މީހުންގެ ހަރަކާތްތަކާއި މޫނުމަތީން ފެންނަ ކުލަތަކުން ހީވަނީ، އުފާވެރި ކުޅިވަރެއް ކުޅެމުން ގެންދާ ހެންނެވެ. އަޅާ ވޭނަށް ކެތްނުކުރެވޭ ހާލު އާދަނާ ރޮމުން ހޭރެމުން ގެންދިޔައެވެ. އެ ވޭނީ އަޑު ވެސް، އެ މީހުންގެ ހިތަށް އިތުރު އުފަލަކާއި މީރުކަމެއް ލިއްބައިދޭ ކަހަލައެވެ.
އާދަނާގެ ގައިގައި އެތައް މިތަނުގައި މެދުކެނޑުމެއް ނެތި ތަޅަމުން ގެންދަނިކޮށް، އެތަނުން އެކަކު އަޅުވައިލި އެތިފަހަރެއް އައިސް އެރީ އާދަނާގެ ބޮލުގެ ފުއްކިބަޔަށެވެ. އެއާއެކު ބޮލުން ތަންގަނޑެއް ފެޅި، ލޭގެ ފައްވާރާ ދުނިޖެހިއެވެ. އާދަނާގެ ބޮލަށް އެރި އެނބުރުންގަނޑާ އެކު، މޫނުމައްޗަށް އަނދިރިވެ ތަންދޮރު ކުޑަވިއެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ ހަށިގަނޑަށް ކުއްލި ހިމޭންކަމެއް ވެރިވާންފެށި ތަނެވެ.
ޒާތެއްގެ ނުބައި މަސްތަކުން މަސްތުވެފައި ތިބި ދެ އޮފިސަރުންނަކަށް، އާދަނާއަށް އައި މި ބަދަލު ފާހަގައެއް ނުކުރެވެއެވެ. އެ މީހުންގެ ފަރާތުން ލިބެމުން ދިޔަ އަނިޔާއަކަށް ބަދަލެއް ނުގެނެއެވެ. އެ ކަން ފާހަގަވީ، ހައްވާދިޔެގެ އަތުގައި ހިފަހައްޓައިގެން، އެ އަނިޔާވެރި މަންޒަރު ބަލާން ހުރި މީހާއަށެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ބުނުމުން، އެ ދެ މީހުން ތެޅުން ހުއްޓާލައިފިއެވެ. ނިތްމަތިން ދާތިކިތައް ފޮހެލަމުން ހަރަކާތް ހުއްޓި، ލެއިން ކަޅިވެފައިވާ އާދަނާގެ ހަށިގަނޑަށް ބަލައިލިއެވެ. އެއަށްފަހު އެކަކު އަނެކެއްގެ މޫނަށް ބަލައިލަމުން، ނުބައި ފާފަޑަށް ހިނިތުންވެލިއެވެ. އޭރު ހައްވާދިޔެ އިނީ ރޮއިރޮއި ހަލާކުވެފައެވެ. ގިސްލެވި އަޑު ބެދިފައެވެ.
މިނެޓެއް، ދެ މިނެޓެއްހައި އިރު، ބަލާން ތިބެފައި، އެ ތަނުން އެކަކު ކުރިއަށް ޖެހިލައި، ދެ ދަގަނޑުން އާދަނާގެ ހަށިގަނޑު މޮހާލައި ދޫކޮށްލައިފިއެވެ. އެއާއެކު އެ ހުރި ތަނަށް ވެއްޓިއްޖެއެވެ. އަދި ހައްވާދިޔެގެ އަތުން ދޫކޮށްލަން އެ ތަނުން އެކަކު އިޝާރާތްކުރުމުން، ހައްވާދިޔެ ވެސް ވީއްލައިފިއެވެ. ހައްވާދިޔެ ވަގުތުން އެ ތަނުން ތެދުވެގެން އައިސް އާދަނާގެ ހަރަކާތް ހުސްވެ، ލެއިން ތަތްތެޅިފައިވާ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރު ހައްވާދިޔެއަކަށް ނުރޮވެއެވެ. ޒާތަކަށް ގިސްލެވޭއިރު ހީވަނީ ނޭވާ ވެސް ހުއްޓިދާނޭ ހެންނެވެ.
ހިތްދަތިކަމާއި ވޭނުން ފުރިފައުވާ ނަޒަރަކުން، އާދަނާގެ މޫނަށް ހައްވާދިޔެ ބަލައިލިއެވެ. މެރިފައިވާ ދެ ލޮލަށް ނަޒަރު ހުއްޓައިލިއެވެ. އާދަނާއަށް ގޮވައިލެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ތުންފަތަށް ހަރަކާތް އާދެއެވެ. އެހެންނަމަވެސް އަޑެއް ބޭރެއް ނުވެއެވެ. އޭނާ އާދަނާގެ މޫނުގައި ފިރުމަމުން، އެ މޫނުގައި ބޮސްދެމުން ގެންދިޔައެވެ. އިރުކޮޅަކު އެހެން އުޅެފައި، އޭނާ މަޑުމަޑުން އާދަނާގެ މެރިފައިވާ ދެ ލޮލުން އެއް ލޯ ހުޅުވައިލިއެވެ. ލޮލުގެ ކަޅިއަށް ނަޒަރުހުއްޓައިލިއެވެ. އޭނާއަށް ފެނުނީ އާދަނާގެ ކަޅި ހުއްޓިފައިވާ ތަނެވެ. ކުޑަ ވެސް ހަރަކާތެއް ނެތެވެ. އޭނާ އަވަސް އަވަހަށް އަނެއް ލޯ ވެސް ހުޅުވައި ބަލައިލިއެވެ. އިރުކޮޅަކު އެހެން ބަލަން އޮއްވާ ކުއްލިއަކަށް ބަޑިފަޅައިގެން ހިނގައްޖެއެވެ.
ހައްވާދިޔެ ރޮއިގެންފައި އާދަނާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރު މުޅި ތަނަށް ފެތުރިފައި ވަނީ ހައްވާދިޔެގެ ރުއިމާއި ގިސްލުމުގެ އަޑެވެ. ގޮޅިތަކުގައި ތިބި ދިވެހިންގެ ތެރޭގައި ވެސް، ނުރޯ ހަމަ އެކަކު ނެތެވެ. ހައްވާދިޔެއާއި އާދަނާގެ ގާތުގައި ތިބި ތިން އޮފިސަރުން ހިނިއައިސްފައި މި މަންޒަރު ބަލާން ތިއްބެވެ. ކުރެވުނު މޮޅު ކަންތަކާ މެދު ފަޚުރުވެރިވެފައި ތިބި ކަހަލައެވެ.
އާދަނާގެ ގައިމަތީގައި އޮވެ ރޮމުން ގެންދިޔަ ހައްވާދިޔެގެ ހަށިގަނޑު ހަމަ ކުއްލިއަކަށް ތުރުތުރުއަޅާން ފަށައިފިއެވެ. ލޭގެ ހިނގުން އަވަސްވެ، ހޫނުވާން ފަށައިފިއެވެ. އެއާއެކު އޭނާގެ ރުއިމުގެ އަޑު މަޑުމަޑުން ގޮސް ހުއްޓިއްޖެއެވެ. އިރުކޮޅަކުން ފެނުނީ، އޭނާ އާދަނާގެ ގައިމަތިން ތެދުވިތަނެވެ. ކަރުނައިން ތެމި، ފޯވެ، ބޮޑުވެފައިވާ ދެ ލޮލުގެ ނަޒަރު ގޮސް ހުއްޓުނީ، އެ ތަނުގައި ކޮޅަށްޖެހި، ކުޅިބަލާން ތިބި، ތިން ފުލުސް އޮފިސަރުންގެ ރަހުމުގެ ކަންފުޅެއް ވެސް މޫނުތަކަށެވެ. އިރުކޮޅަކު ބަލާން އިނދެފައި އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އޭރު އެ ހަށިގަނޑަށް ވަނީ އާދަޔާޚިލާފު ބާރެއް ލިބިފައެވެ.
ހައްވާދިޔެ ދުއްވައިގަތެވެ. އޭނާގެ އިއްފަތްތެރިކަމަށް އަރައިގަތް އޮފިސަރާ ދިމާއަށެވެ. އެ ފަދަ ހަރަކާތެއް ކުއްލިއަކަށް ގެނެސްފާނޭކަމަށް އެ ތަނުން އެއްވެސް އޮފިސަރަކު ހިޔެއް ނުކުރެއެވެ. އެހެންކަމުން އެ މީހުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އޭރު ހައްވާދިޔެ ފުންމައިގެން އައިސް އެ އޮފިސަރުގެ ގައިގައި ބައްދައިފިއެވެ.
އެ ފަދަ ހަރަކާތަކަށް ތައްޔާރުވެވިފައި ނެތުމުން ވެސް ކަންނޭނގެއެވެ. ހައްވާދިޔެ އައިސް ޖެހިގަތްލެއް ބާރުކަމުން، ހައްވާދިޔެއާ އެކު އެ އޮފިސަރު އިދިފުށަށް ވެއްޓިއްޖެއެވެ. އޭރު ހައްވާދިޔެ އޮތީ އޭނާގެ ގައިމަތީގައެވެ. އޭނާގެ އަނގަ ފުރަތަމަ ވެސް ޖެހުނީ، އެ އޮފިސަރުގެ މޭމަތީގައެވެ. ޖެހުނު ދިމާގައި، އެޅުނުހައި ބާރެއްލައިފައި ދަތް އަޅައިފިއެވެ. ކޯކަށިގަނޑަށް ލިބިފައިވާ ގަދަފަދަ ބާރުގެ ދީލަތި އެހީތެރިކަމާ އެކު، ދެ ދަތްޕިލައިގެ ތިމާގެކަމާއި އެކުވެރިކަން ބަދަހިކޮށްލިއެވެ. އެއާއެކު އެ އޮފިސަރުގެ މޭމަތި ލެއިން ރަތްވާންފެށިއެވެ. އެޅި ވޭނެއްގެ ބޮޑުކަމުން އެ މީހާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު އަނެއް ދެ އޮފިސަރުން އަވަސް އަވަހަށް ކުރިއަށް ޖެހި، ހައްވާދިޔެގެ ދެ އަތުގައި ހިފައި އޮފިސަރުގެ ގައިމަތިން ނެގުމުގެ މަސައްކަތް ފަށައިފިއެވެ. އެހެންނަމަވެސް އެ ކަން އެހައި ފަސޭހަކަމަކަށް ނުވިއެވެ. އޮފިސަރުގެ ގައިގައި އޭނާ ބައްދައިގެން އޮތްލެއް ބާރުކަމުންނެވެ.
ދެ އޮފިސަރުންގެ ރުޅިވެރިކަން ހައްދުން ނެއްޓި ކަހަލައެވެ. ވަގުތުން ހައްވާދިޔެގެ ބުރަކަށީގައި ވަރުހުރި ގުއްޓެއް އަޅައިފިއެވެ. އެއާއެކު އެތަނުން އެކަކު، ހައްވާދިޔެގެ އިސްތަށިގަނޑުގައި ހިފައި އަތަށް އޮޅާލައިފިއެވެ. ޖެހި ވަރުގަދަ ލަތްކަކާ އެކު، ހައްވާދިޔެގެ ބޮލަށް އެނބުރުން އެރިއެވެ. ގައިން ވަރު ދޫވިއެވެ. އެ ވަގުތު އަނެއް މީހާ ހައްވާދިޔެގެ ދެ ފައިގައި ހިފިއެވެ. އެކަކު ބޮލުގެ އިސްތަށިގަނޑުގައި، އަނެކަކު ދެ ފައިގައި ހިފައި ހައްވާދިޔެ އުފުލައިލިއެވެ. ބޮލަށް ވީ ތަދެއްގެ ބޮޑުކަމުން، ހައްވާދިޔެއަށް ދެ އަތުން ބޮލުގައި ހިފެހެއްޓުނެވެ.
ހައްވާދިޔެ އޮތީ އެ ދެ މީހުންގެ އުނަގަނޑާ ހަމައަށް އުފުލާލައިފައެވެ. ވެއްޓިފައި އޮތް އޮފިސަރު ފުންމައިގެން ތެދުވެއްޖެއެވެ. ހައްވާދިޔެ ދަތްއެޅި ތަނުގައި އަތް އަޅައިގެން ހުރެއެވެ. އޭރު އޭނާގެ ރުޅި ވަނީ ނުވަދިހައަށް ވުރެ މަތީގައެވެ. އޭނާ ބަލާކަށް ނުހުރެ، މަތިން ތިއަށް އައި ބޯޅައެއް، އެއަށްވުރެ މައްޗަށް ފޮނުވައިލާން ޖަހާ ބީދައިން، ފަޔަށް ބާރުލާފައި، ހައްވާދިޔެގެ ބަނޑުގައި ވަރުހުރި އެތިފަހަރެއް ޖަހައިފިއެވެ. ވީތަދެއްގެ ބޮޑުކަމުން ހައްވާދިޔެގެ ނޭވާ ހުއްޓުނެވެ. ލަވަމުން ދިޔަ ހަޅޭކުގެ އަޑު، ވަގުތުން ކެނޑުނެވެ. އެހެންނަމަވެސް އޮފިސަރު ގާތަށް އައިސްފައި ހުރި ޝައިޠާނީ އަލިފާން ރުޅި މަޑެއް ނުވިއެވެ. ހަމަ އެގޮތަށް މޫނުމަތީގައި ވެސް ފައިން ޖަހައިފިއެވެ. އަނގަ ފަޅައިގެން ގޮސް، ލޭތައް އޮހިގަތެވެ. ހިފަހައްޓައިގެން ތިބި ދެ މީހުން، ހައްވާދިޔެގެ ގައިން ދޫކޮށްލުމާ އެކު، އެ އޮތް ގޮތަށް ބަނޑު ވަތަށް ވެއްޓި ޖެހިއްޖެއެވެ.
އާދަނާގެ އެސްފިޔައަށް އައި ކުޑަ ހަރަކާތަކާ އެކު ލޯ ހުޅުވުނީ އެ ވަގުތުއެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ލެއިން ރަތްވަމުން ދިޔަ ހައްވާދިޔެގެ މޫނެވެ. ތެދުވަން ބޭނުންވިއެވެ. އެ މޫނުގައި ފިރުމައިލަން ހިތް ގޮވަންފެށިއެވެ. އެހެންނަމަވެސް އޭނާއަކަށް އަތެއް ފަޔެއް ގުޑުވައެއް ނުލެވެއެވެ. ހަށިގަނޑުގެ ވޭން ގަދަކަމުން ހީވަނީ ދެންމެ ދެންމެ ފުރާނަ ވަކިވެދާނޭހެންނެވެ.
އާދަނާގެ ލޯ ހުޅުވިފައި އޮތް ތަން ފެނިފައި، ފުލުސް އޮފިސަރުން ބޭނުންވީ، ހައްވާދިޔެއަށް އިތުރަށް އަނިޔާކުރާށެވެ. އާދަނާއަށް އެ މަންޒަރު ދައްކައި ހިތްދަތިކުރުވާށެވެ. އެހެންކަމުން އެ ހާލުގައި ހައްވާދިޔެ އޮއްވާ އެ ތަނުން އޮފިސަރަކު އޭނާ އަރައިގެން ހުރި ބަރު ބޫޓުން ހައްވާދިޔެގެ ބުރަކަށި މަތީގައި އަޅައި އޮބައިލިއެވެ. ވީތަދާ އެކު ހައްވާދިޔެއަށް ތެޅިގަނެވުނެވެ. އެ މަންޒަރު ފެނިފައި އާދަނާއަށް ހީވީ އޭނާގެ ބުރަކަށި މައްޗަށް މީހަކު އަރައި އޮބައިލިހެންނެވެ. ކަރުބުޑުން މަޑުމަޑު އަޑެއް ވެސް އެ ވަގުތު ބޭރުވިއެވެ. ވޭނީ އާހެއްގެ އަޑެވެ.
ހެލިނުލެވިފައި އޮތް ހައްވާދިޔެގެ ކަންފަތުގައި އާދަނާގެ މި އަޑު ޖެހިއްޖެއެވެ. އެއާއެކު އޭނާއަށް މަޑުމަޑުން ލޯ ހުޅުވައިލެވުނެވެ. އާދަނާގެ ދެ ލޯ ދެބައިކުޅަ އެއްބަޔަށް ހުޅުވިފައިވާ ތަނާއި، އޭނާއާ ދިމާއަށް ބަލަން އޮތްތަން ފެނުނެވެ. އެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވެސް ފެނުނެވެ. ތުންފަތަށް ކުޑަކުޑަ ހަރަކާތެއް އައިހެން ހީވިއެވެ. އެއްޗެއް ބުނަން އުޅެ ނުބުނެވިގެން އުޅޭ ކަހަލަ ގޮތަކަށެވެ.
އާދަނާއާ ދިމާއަށް ދެވޭތޯ ހައްވާދިޔެ މަސައްކަތް ކުރިއެވެ. އަތަށް ކުޑަކުޑަ ހަރަކާތެއް ގެނެވުނެވެ. އާދަނާއާ ދިމާއަށް އަތް ދިއްކޮށްލެވޭތޯ އުޅެއުޅެ އޮއްވާ، ސިފައިންގެ އޮފިސަރެއް ކުރިއަށް ޖެހިލައި، އޭނާގެ އަތް މައްޗަށް އަރައި އޮބާލައިފިއެވެ. ވީ ތަދުން ހައްވާދިޔެއަށް ފާޑަކަށް ތެޅެގަނެވުނެވެ. އަތް ދަމައިގަންނާން މަސައްކަތްކުރެވުނެވެ. އެހެންނަމަވެސް އަރައި އޮބާލައިފައި ހުރިލެއް ބާރުކަމުން، އަތް ދަމައެއް ނުގަނެވުނެވެ. ވޭން އަޅައަޅައި ޖެހުނީ އޮންނާށެވެ. މި ހިތްދަތި މަންޒަރު ފެނިފައި، ކުރި އަސަރެއްގެ ފުންކަމުން އާދަނާއަށް ރޮވޭގޮތްވެއްޖެއެވެ.
އާދަނާގެ ދެމަފިރިން އެކަކު އަނެކަކާ މެދު ހިތާމަކުރަމުން ދިޔަ އިރު، އެ މަންޒަރު ބަލާން ތިބި ތިން އޮފިސަރުންގެ ތެރެއިން އެކަކު އާދަނާއާ ދިމާއަށް ޖެހިލައިފިއެވެ. ކުރިއަށް އެޅި ދެ ފިޔަވަޅާކާ އެކު، ގުދުވެ އާދަނާގެ ލެއިން ފޯވެފައިވާ އިސްތަށިގަނޑުގައި ހިފައި އުފުލައިލައިފިއެވެ. އެއަށްފަހު ޖެހި ލަތްކަކާ އެކު، އެ ބަލިކަށި ހަށިގަނޑު ކުރިއަށް ދެމުނެވެ. އެ ތަނުގައި ޖަހާފައި ހުރި ދަގަނޑު ހޮޅިތަކުން ހޮޅިއެއްގެ ކައިރިއަށް ދަމާފައި ގެންގޮސްފިއެވެ. ހައްވާދިޔެއަށް އޮވެވުނީ ބަލާށެވެ. ކުރާން އުޅެނީ ކޮންކަމެއްކަން ނޭނގިފައެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެމުންދެއެވެ. ހަށިގަނޑާއި އަތުގައި އަޅާ ވޭނުގެ ތަދު އިހުސާސް ވަނީ ކެނޑިފައެވެ.
އާދަނާ ގެންގޮސް ހޮޅިކައިރީގައި ބޭއްވުމަށްފަހު އޭނާ ގުދުވެ، އާދަނާގެ ބޮލުގެ ދެ ފަރާތުން އިސްތަށިގަނޑުގައި ހިފައި އުފުލައިލުމަށްފަހު، އެ ހޮޅިއާ އެކު ވަރަށް ބާރަށް ޖަހައިފިއެވެ. އެއާއެކު އަނެއްކާ ވެސް އާދަނާގެ ބޮލުން ލޭތައް އޮހިގަތެވެ. އެ ވަގުތު ހައްވާދިޔެއަށް ބާރަށް ރޮއިގަނެވުނެވެ. މަގޭ އާދަނާއަށް ތިހެން ނަހަދަށޭ ކިޔާފައެވެ. އެހެންނަމަވެސް އެ ތަނުގައި ހުރި ފުރޭތައަށް އެ އަޑުން ކުރި އަސަރެއް ނެތެވެ. ދެ ވަނަ ފަހަރަށް ވެސް ހަމަ އެ ގޮތަށް ހޮޅިއާ އެކު ޖަހައިފިއެވެ. ތިންވަނަ ފަހަރަށް ވެސް ޖެހިއެވެ. ރޮއިރޮއި އޮތް ހައްވާދިޔެއަށް އެ ވަގުތު ފެނުނީ އޭނާ ދުވަހަކު ވެސް ދެކޭން ބޭނުންވާނެ މަންޒަރެއް ނޫނެވެ. ލިބުނު ކުއްލި ސިހުމާ އެކު، މޭ ތެޅިގަތެވެ. ދެ ލޯ ބޮޑުވިއެވެ. މޫނުމައްޗަށް އަނދިރިވެފައި ދެން ވީގޮތެއް ނޭނގުނެވެ.
އާދަނާ މަރުވެއްޖެއެވެ. ހައްވާދިޔެގެ ހޭވެރިކަން ގެއްލިއްޖެއެވެ. ހަތިޔާރު އެޅި ސިފައިންނަށް އަންގައިގެން ހައްވާދިޔެ ގެންގޮސް އޭނާ އޮންނަ ގޮޅިއަށް ވައްދައިފިއެވެ. އާދަނާގެ ހަށިގަނޑު އެ ތަނަށް ދޫކޮށްލާފައި އެ މީހުން ހިނގައްޖެއެވެ. ގޮޅިތަކުގައި ތިބި މީހުންގެ ތެރެއިން މި އަނިޔާވެރި މަންޒަރުތައް ބަލާންކެރޭ މީހުން ބަލާން ތިއްބެވެ. އެއްވެސް ދިވެއްސަކަށް އާދަނާއަށާއި ހައްވާދިޔެއަށް ކުރި އަނިޔާތައް ބަލާކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އެ މީހުން ތިބީ ގޮޅިތަކުގައި އޮށޯވެއެވެ ރޮއިރޮއިއެވެ.
އަޑުބަޑު މަޑުވެ ހަމަހިމޭންވުމުން، އަހުމަދުދިދީ މަޑުމަޑުން ތެދުވެގެން ގޮސް ބޭރަށް ބަލައިލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ އާދަނާގެ ފުރާނަ ނެތް ހަށިގަނޑު، އެ ތަނަށް އެއްލައިލައިފައި އޮތްތަނެވެ. މި ތަންފެނިފައި އޭނާގެ ދެ ލޮލުން ހޯސްލާފައި ކަރުތައް އޮހިގަތެވެ. ހިފެހެއްޓުމެއް ނެތި ރޮވުނެވެ. ކުރިމަތިލާންޖެހުނު ދުވަސްތަކެއްގެ ހިތިކަމާއެވެ. ހިތާމައެއްގެ ބޮޑުކަމާއެވެ. ފަހަރަކު މީހަކު ވަކިވެ ދަނީއެވެ. އެތައް އަނިޔާއެއް ތަހައްމަލުކޮށްފައެވެ.
ހިތްދަތި އެތައް ފިކުރުތަކެއްގެ މެދުގައި ރޮވިފައި އަހުމަދުދީދީ ހުއްޓާ އިރުކޮޅަކުން ފެނުނީ، ބަޔަކު މީހުން އައިސް އާދަނާގެ ހަށިގަނޑު އެ ތަނުން ނަގައިގެން ގެންދާންފެށި ތަނެވެ. ގެންގޮސް އެއްލައިލީ މަގުމައްޗަށެވެ. އެހައިތަނުން އުފުލާ މީހުންނާ ހަވާލުވީއެވެ. އާދަނާގެ ވަސް ދުނިޔެއިން ފިލައި ދިޔައީއެވެ. އަހުމަދުދީދީގެ ދެ ލޮލުން ކަރުތައް އޮހިގަތެވެ. ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.
ހައްވާދިޔެ ހޭއެރީ އަސުރުން އިރު ތިރިވިފަހުންނެވެ. ހޭއެރުމާއެކު އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ އޭނާގެ ލޯބިވާ، ދެ ލޯ ނޭދި އެދޭ ފިރިމީހާ އެންމެ ފަހު ނޭވާ ދޫކޮށްލި މަންޒަރެވެ. އޭނާއަށް ރޮވޭންފެށުނެވެ. ގިސްލަ ގިސްލާފައި އެތައް އިރަކު އޭނާއަށް ރޮވުނެވެ. މެންދުރަކު ނުކައެވެ. އިރު އޮއްސެނީއެވެ. ބަނޑަށް މަރުވާވަރު ވެއްޖެއެވެ. ދެން ރަނގަޅީ ވެސް އަވަހަށް މަރުވިއްޔާއެވެ. އާދަނާ ނެތް ދުނިޔެއަކު އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
ކުފުރު މަރަކުން މަރުވުމަކީ ދުވަހަކު ނުފުއްސަވާނެ ފާފައެކެވެ. އެހެންކަމުން އެ ރޭ ގެނައި ފެންބަތްގުޅައިން އެތިކޮޅެއް ހައްވާދިޔެ ކެއެވެ. ހަމަ ކިރިޔާ ފުރާނަ ސަލާމަތްކުރެވޭ މިންވަރަށެވެ. ގަދަކަމުންނެވެ. ހިތުގައި އަޅައި ވޭން ގަދަކަމުން އެތެރެހައްޓަށް އެއްޗެއް ލެވޭވަރު ނުވަނީއެވެ. ލޯބިވާ ފިރިމީހާ މަރުވެދިޔަ ކަމުގެ ހިތާމަ އޭނާގެ ހިތަށް ހާދަ ބޮޑަށް އެބަ ކުރުވައެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ސަޔަށްފަހު ސިފައިންގެ ތިން މީހަކު ހައްވާދިޔެ އިން ގޮޅިއަށް އަތުވެއްޖެއެވެ. އޭރު އޭނާ އިނީ ވަރަށް ބޮޑަށް ބަލިވެފައެވެ. ބޮލުގައި އިންތިހާއަށް ރިހެއެވެ. މެޔަށް ތަދުވެއެވެ. ކޮންމެވެސް ވަރަކަށް ހުން ވެސް ހުރީ އައިސްފައެވެ. ހަށިގަނޑުގައި އަޅާ ވޭނާއި ހިތުގެ ރިހުމުގެ އިތުރުންނެވެ. އެހެންކަމުން އަމިއްލަ ހާލައިގެން ކޮޅަށް ހުންނާން ވެސް އޭނައަކަށް ކުޅަދާނައެއް ނޫނެވެ.
އޮފިސަރުންގެ އޯޑަރު އައިސްފައިވަނީ ހައްވާދިޔެ ގެނައުމަށެވެ. އިއްޔެ ވެއްދި ކޮޓަރިއަށް ގެނެސް ވެއްދުމަށެވެ. އިއްޔެ އޭނާ ކުރި ކަމެއްގެ ސަބަބުން، އޭނާ އެ ވަނީ ވަރަށް ބޮޑަށް ކުށްވެރިވެފައެވެ. އެ ކުށުގެ އަދަބު ވަރަށް ބޮޑުވާނެއެވެ. އޮފިސަރަކަށް ހަމަލާ ދިނުމަކީ ކިހައި ވަރެއްގެ ކަމެއްކަން އޭނާއަށް އަންގައިދޭނެއެވެ.
ސިފައިން އެ މީހުންނަށް އަންގާފައިވާ އެންގުމާ އެއްގޮތަށް ހައްވާދިޔެގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގޮޅިން ނެރެފިއެވެ. ރަޙުމެއް ހަމްދަރުދީއެއް ނެތެވެ. ގެންގޮސް ހުސްކޮށް ހުރި ބޮޑު ކޮޓަރިއަކަށް ވައްދައިފިއެވެ. ރޮއިރޮއި އޮއްވައެވެ. ކުރަން މި އުޅެނީ ކީއްކަން އޭނާއަށް އެނގެއެވެ. ދެކޮޅު ހެދުމުގެ ގޮތުން ވިޔަސް، ހިތުގައި އަޅާ ވޭނަށް ލުޔެއް ހޯދަން ވިޔަސް، ކުރެވޭން އޮތް ހަމައެނި ކަމަކީ ރުއިމެވެ. މިއަދު އޭނާއާ އެކުގައި ރޮއިލާނެ މީހަކު ވެސް ނެތެވެ. އާދަނާ ދުނިޔޭގައި ހުރި ނަމަ އޭނާގެ ހާލުގެ މައްޗަށް ހަމްދަރުދީވެ، ހިތާމަކޮށް ރުއީހެވެ. ކަރުނަ އެޅީހެވެ. އެތައް ވޭނެއް އުފުލުމަށްފަހު އެ ފަކީރު ވެސް ދުނިޔެ ދޫކޮށް ދިޔައީއެވެ.
ރޮއިރޮއި އޮތް ހައްވާދިޔެއަށް ކުއްލިއަކަށް ފެނުނީ އެ ކޮޓަރިއަށް ފުލުސް އޮފިސަރަކު އައިސް ވަންތަނެވެ. އެއީ ހައްވާދިޔެގެ ފަރާތުން އިއްޔެ އަނިޔާ ލިބުނު އޮފިސަރެވެ. އޭނާ ވަންއިރު ވެސް ހުރީ އަލިފާންވެފައެވެ. ދެ ދަތްޕިލަޖެހި ބާރުވެ، ދެ ލޮލުން ރަންކަނި ބުރަބުރައެވެ. އޭނާ އެ އައި ގޮތަށް އައިސް ހައްވާދިޔެގެ އިސްތަށިގަނޑުގައި ހިފައި އަތަށް އޮޅައިލުމަށްފަހު ކޮޅަށް ނަގައިފިއެވެ. އިރުކޮޅަކު ހައްވާދިޔެގެ މޫނަށް ބަލާން ހުރެފައި، އޭނާގެ މޭމަތީގައި ހައްވާދިޔެ ދަތް އަޅާފައި ޒަޚަމްކޮށްލާފައި ހުރި ތަން ހައްވާދިޔެއަށް ދައްކާލިއެވެ. ހައްވާދިޔެއަށް އެ ދިމާއަށް ބަލައިލެވުނެވެ. ހައްވާދިޔެގެ ދެ ދަތްޕިލަ ހުރިގޮތަށް އޭނާގެ މޭމަތީގައި ހުރީ ލޭކޮށި ރަތްވެ ދުޅަވެއަރާފައެވެ. އިރުކޮޅަކު އެހެން ހުރެފައި އެ އޮފިސަރު ހަމަ ކުއްލިއަކަށް ގުދުވެ، ހައްވާދިޔެގެ މޭމަތީގައި ހަމަ އެ ގޮތަށް ދަތްއަޅައިފިއެވެ.
ވީ ތަދާ އެކު ހައްވާދިޔެއަށް ތެޅެގަނެވުނެވެ. ރޮއިގަނެވުނެވެ. އެޅި ވޭނެއްގެ ގަދަފަދަކަމުންނެވެ. އެ ވަގުތު ފެނުނީ އޮފިސަރުގެ އަނގައިގެ ތެރެއިން ލޭތައް އޮހިގަތްތަނެވެ. އޭނާ ބޯ އުފުލައިލީ، ހައްވާދިޔެގެ މޭމަތިން އޭނާ ދައިގަތްތަނުން ލޭ އޮހޮރުވައިލާފައެވެ.
މި ވަރަކުން އޭނާ ހިތްހަމައެއް ނުޖެހުނެވެ. ހައްވާދިޔެގެ އިއްފަތްތެރިކަމަށް އަރައި ނުގަނެ އެނބުރި ދާކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ. އެހެންކަމުން ލިބެމުން ދިޔަ ވޭނަށް ކެތްނުކުރެވޭ ހާލު ރޮއިރޮއި އޮއްވާ، އެ އަނިޔާއާ ވެސް ކުރިމަތިލާން ހައްވާދިޔެއަށް ޖައްސައިފިއެވެ.
އޮފިސަރު ހައްވާދިޔެއާ ކުރިމަތިލިއިރު ހީވީ، ބޮޑު މިނިކާވަގެއް ނިކަމެތި ބަލިކަށި ފުއްލާއެއްގެ މައްޗަށް ޖެހިގަތްހެންނެވެ. އޭނާގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ހައްވާދިގެ ހަށިގަނޑުގެ އެކި ކަށިތަކުގައި ވަކިވަކިން ރިހެމުން ދިޔައެވެ. ކިތަންމެ ވޭނެއް އެޅިޔަސް، އޭނާއަށް ޖެހުނީ އޮންނާށެވެ. ރުއިން ފިޔަވައި ހަމަ އެއްކަމެއް ވެސް ނުކުރެވުނެވެ. އިތުރު ކަމެއް ކުރާނޭހައި ހަކަތަ އެ ހަށިގަނޑުގައި ނެތީއެވެ.
އޮފިސަރުގެ އަލާފިލީ ތޯއްޗެކެވެ. ދާހިއްލާ ފޯވެގެން ހުރެ، އެ ނުލަފާ ޝައިޠާނާ ތެދުވެ ހިންދެމިލައިފިއެވެ. ރޮއިރޮއި އޮތް ހައްވާދިޔެއާ ދިމާއަށް ހިނިއައިސްފައި ބަލާން ހުރެ، ޔުނިފޯމު ރަނގަޅުކޮށްލައިގެން އެ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އިރުކޮޅަކުން އެ ތަނަށް އައިސް ވަނީ، ހަތިޔާރުއެޅި ސިފައިންގެ ދެ މީހެކެވެ. އެ ދެ މީހުން އެ އައި ގޮތަށް އައިސް، ހައްވާދިޔެ ނަގައިގެންފިއެވެ. ކޮޓަރިން ނެރެގެން ގެންގޮސް، އިއްޔެ އާދަނާ ބަނދެފައި ހުރި ދަގަނޑުގައި ބަނދެލައިފިއެވެ. ހައްވާދިޔެ ކުރި ކުށަށް އަދަބުދޭން އަނެއްކާ ވެސް ގެނައީއެވެ.
ގޮޅިތަކުގައި ތިބި ދިވެހިންނަށް މި މަންޒަރު ފެނުނެވެ. ހައްވާދިޔެގެ މޭމަތި ލެއިން ރަތްވެފައިވާ ތަނާއި އޭނާ ރޯ ރުއިން ވެސް ފެނުނެވެ. މިއަދަކީ ވެސް އަނިޔާގެ ދުވަހެކެވެ. ހައްވާދިޔެއަށް ކުރާނެ އަނިޔާ ހިތަށް އެރުމުން، އެއްވެސް ދިވެއްސަކަށް ބަލާން ހުންނާކަށް ނުކެރުނެވެ.
އޮފިސަރުންގެ ތިން މީހަކު އެ ތަނަށް އައީ ހައްވާދިޔެ އެ ތަނުގައި ބަނދެފައި ބަހައްޓާފައި ހުންނަތާ ފަނަރަ ވަރަކަށް މިނެޓު ފަހުންނެވެ. އެ މީހުން އައިއިރު އެއިން ކޮންމެ މީހެއްގެ ދެއިނގިލި ދޭތެރޭގައި ރޯކޮށްފައި ހުރި ފަލަ ސުއްޓާއެއް ހުއްޓެވެ.
ތިން މީހުން އައިސް ހައްވާދިޔެގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. މިއަދު އެ މީހުން ހައްވާދިޔެއަށް ކޮށްލާނީ ކޮންފަދަ އަނިޔާއެއްކަމެއް ވެސް ނޭނގެއެވެ. އެނގޭ ކަމަކީ އެއިން މީހެއްގެ ހިތުގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތްކަމެވެ. އަނެއް އިންސާނައާ މެދު ރަހުމުގެ ކުނޑިފުކެއްހައި މިންވަރު ވެސް ނެތްކަމެވެ. ކޮންމެ ފަދަ އަނިޔާއެއް ވެސް ކޮށްފާނޭ ކަމެވެ. އިންސާނާގެ އަގު މާތް ފުރާނައަކީ، އެ މީހުންގެ ކުރިމަތީގައި އެއްވެސް މިންވަރެއްގެ ކަރާމާތެއް ނެތް ކުޅޭކުޅޭ އެއްޗެއްކަމެވެ.
ހައްވާދިޔެ ގާތަށް އައި ތިން އޮފިސަރުން ހައްވާދިޔެގެ މޫނަށް ބަލާން އިރުކޮޅަކު ތިބެފައި، ތިން މީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ސުއްޓާ އަނގައަށް ޖަހައިފިއެވެ. ނޭވާގެ ކޮޅަށް ދަމައިލުމަށްފަހު، ތިން މީހުންގެ އަނގައިގައި ހުރި ހުރިހާ ދުމެއް ހައްވާދިޔެގެ މޫނަށް ފޮނުވާލައިފިއެވެ. ހައްވާދިޔެއަށް އެތެރެއަށް ހިފައިލެވުނު ނޭވާއާ އެކު، ދުންތައް ވަދެ ފުއްޕާމޭ ކިލަނބުކޮށްލައިފިއެވެ. ވަގުތުން ކޮށިއަރައިފިއެވެ. ކެއްސާގަތް ވަގުތު އަނެއްކާވެސް އޭނާގެ މޫނަށް ދުންތައް ބުރުވާލައިފިއެވެ. ހައްވަދިޔެއަށް ނޭވާ ހާސްވެގެން ތެޅެގަނެވުނެވެ. މި މަންޒަރު ފެނިފައި އެ ތިން މީހުން ފެށީ ހޭށެވެ.
ހައްވާދިޔެއަށް ނޭވާ ލެވުނީ އެތައް ވަރަކުންނެވެ. އޭނާގެ ދެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. މިހިރަ ކުރާ ވޭންދެނިވި އަނިޔާއެކެވެ. މި ވަރުގެ އަނިޔާތައް ނުކޮށް އެފަހަރުން ޖަހައި މަރައިލާނޭ ނަމަ ކޮންފަދަ ހެއްޔެވެ؟
އިރުކޮޅަކުން އެ ތަނަށް އައީ، ދާދި ދެންމެ ހައްވާދިޔެއަށް އެތައް އަނިޔާއެއް ކޮށްފައި ދިޔަ، އިއްޔެ ހައްވާދިޔެ އެ އޮފިސަރެއްގެ ގައިގައި ދައިގަތް އޮފިސަރެވެ. އޭނާ އެ ތަނަށް އައި އިރު ވެސް ހުރީ ރަންކަނި ބުރަބުރައެވެ. އޭނާ ރުޅިއައިސް ފުފިފައި ހުރެ ހައްވާދިޔެއާ ދިމާއަށް އެއްޗެހިތަކެއް ކިޔައިފިއެވެ. ޖަޕާނު ބަހުންނެވެ. އިއްޔެ ހައްވާދިޔެ ދައިގަތްތަން އަނެއްކާވެސް އޭނާ ހައްވާދިޔެއަށް ދެއްކިއެވެ. ގަމީހުގެ މަތީ ދެ ގޮށް ނައްޓުމަށްފަހުގައެވެ. އެތަން ހުރީ ވަށް ބުރަކަށެވެ. އެކި ދަތް ވަކިވަކީން ވަދެފައި ހުއްޓެވެ. ރޯ ފާރުގެ ގޮތުގައެވެ.
އޮފިސަރު ރުޅިވެރި ނަޒަރަކުން ހައްވާދިޔެގެ މޫނަށް ބަލަން ހުރެ، ގަމީހުގެ ގޮށް އަޅުވައިފިއެވެ. އެއަށްފަހު އެ ތަނުން އެކަކުގެ އަތުގައި އޮތް ސުއްޓާ އަތުލުމަށްފަހު، އެ ސުއްޓާގެ ރޯކޮށްފައިވާ ކޮޅު ހައްވާދިޔެގެ ހާމައަށް އޮތް މޭމަތީގައި ޖައްސައި ބާރަށް އޮބާލައިފިއެވެ. ތެޔޮހަން ކެނޑި މަސްގަނޑުގައި ޖެހި ރޯ ފިލައިފިއެވެ. އެޅިވޭނެއްގެ ގަދަކަމުން ހައްވާދިޔެއަށް ތެޅިފޮޅިގަނެވުނެވެ. ދެ ލޯ މަރައި ފިއްތާލެވުނެވެ. ކުރިން ހައްވާދިޔެއަށް ކޮށްލެވުނު ވަރު އޭނާއަށް އަދި ވެސް ކުޑައީތާއެވެ. ބަދަލުހިފުމުގެ އަލިފާނުން ދޮންވެފައިވާ ހިތަށް ފިނިކަން ނުލިބެނީތާއެވެ.
ހައްވާދިޔެގެ ހަށިގަނޑުގެ އެކި ތަންތަނުގައި އޭނާ އަލިފާން ޖައްސަމުން ގޮސް، ބަރާބަރު ނުވަ ތަން ފިއްސާލައިފިއެވެ. ބައެއް ތަންތަނުން ހުރީ ފޮޅުނަގާފައެވެ. ބައެއް ތަންތަނުން ފޮޅުނަގައި ފޮޅު ކެނޑިފައެވެ. މަސްގަނޑު ރޯ ފިލާފައެވެ. މިވަރު ކޮށްލެވުމުން މި ވަގުތަށް އޭނާގެ ހިތަށް ފިނިކަން ލިބުނީ ކަންނޭނގެއެވެ. ގެންގޮސް ގޮޅިއަށް ލުމަށް ސިފައިންނަށް އަމުރުކޮށްފައި، އެ ހިނގައިގެންފިއެވެ.
ޖެހިގެން އައި ދުވަހުވެސް ހެނދުނު ހެނދުނާ ހައްވާދިޔެ ގެންގޮސް ކުރީ ދުވަހު ވެއްދި ކޮޓަރިއަށް ވައްދައިފިއެވެ. މިއަދު އަދި އިއްޔެއަށްވުރެ ވެސް ހައްވާދިޔެގެ ހާލު ދެރައެވެ. އެހެންނަމަވެސް އެ ކަމަކަށް ވިސްނާ މީހަކު މި ތަނަކު ނެތެވެ. މިއަދު އައީ އެހެން އޮފިސަރެކެވެ. ދުވާލަކު މީހެކެވެ. އޭނާ އައިސް ވަނުމާ އެކު، އޭނާގެ މޫނަށް ހައްވާދިޔެއަށް ބަލައިލެވުނެވެ. އެއީ އާދަނާއަށް އެންމެ ގިނަ އަނިޔާކުރި މީހާއެވެ. އެންމެ ބާރަށް ތެޅި މީހާއެވެ. އޭނާގެ ހުތުރު ސޫރަ ފެނުމާ އެކު، ހައްވާދިޔެގެ ބަލިކަށި ހަށިގަނޑުގައި ބަދަލުހިފުމުގެ އޮއިވަރެއް ހިނގައިގަތެވެ.
އެ މީހާ ވެސް އައިގޮތަށް އައިސް ފެށީ، ހައްވާދިޔެގެ ހަށިގަނޑުގެ ބޭނުންހިފާށެވެ. މިއީ ދެމިގެންދާ ސިލްސިލާއަކީ ބާވައެވެ. ހައްވާދިޔެއާ އެކު މިކުޅިގަނޑެއް ފެށުނުފަހުން އެހެން މީހަކަށް އަދަބެއް އަނިޔާއެއް މިހާރަކު ނުލިބެއެވެ. އެ މީހުންގެ އަމާޒުފަތްގަނޑަކަށް ވެފައިވަނީ ހައްވާދިޔެއެވެ.
އޮފިސަރު އައިސް އޭނާގެ މަސައްކަތް ފަށައިފިއެވެ. މިއަދު ހައްވާދިޔެގެ ހަށިގަނޑުގައި އަޅައި ވޭން އިއްޔެއަށް ވުރެ ބޮޑެވެ. އިއްޔެ ފިއްސާލި ތަންތަން މިއަދު ހުރީ ފާރަށްވެފައެވެ. މިއިން ކަމަކަށް އޮފިސަރު ކުޑަކޮށް ވެސް ބަލައެއް ނުލައެވެ. އެހެންނަމަވެސް މިއަދު އޭނާ ނުރޮއެވެ. ނުރޮވެނީއެވެ. ވޭން އެޅިޔަސް ދެ ލޮލަކުން ކަރުނައެއް ނުފައިބައެވެ. ފައިބާނެ ކަރުނައެއް އެ ދެ ލޮލުގައި ނެތީ ކަމަށް ވެސް ވެދާނެއެވެ.
އޮފިސަރުގެ ވޭނީ ހަމަލާތަކަށް ކެތްކުރަމުން ދިޔައިރު، ހައްވާދިޔެގެ ހިތަށް އަރަމުންދެއެވެ. ދެން ހަމަ އެ މީހުން ހެދިގޮތެއް ހެދެން މިހެން އޮންނާންވީ ބާވައެވެ؟ އޮތަސް އަނިޔާއެވެ. ދިފާއުގައި ކަމެއް ކުރިޔަސް ކުރާނީ ހަމަ އަނިޔާއެވެ. އާދަނާގެ މަރުގެ ބަދަލެއްގެ ގޮތުގައި ނަމަވެސް މި ކަލޭގެއަށް ޖެހޭނީ ލަގާއެއް ދޭށެވެ. ތަދަކީ ކިހައިވަރެއްގެ ވޭނެއްކަން ޖެހޭނީ އިހުސާސްކޮށްދޭށެވެ.
މި ފިކުރުތައް ހައްވާދިޔެގެ ސިކުނޑިއަށް ވެރިވެ، ވަރަށް ވަރުގަދަ ހައިޖާނެއް އުފައްދައިފިއެވެ. އެ ޚިޔާލު ސިކުނޑިން ބޭރުކޮށްލެވޭތޯ ވެސް އޭނާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެ ކަމެއް ނުވިއެވެ. ޒަމީރުގެ އާދޭހަކީ ބަދަލު ހިފުމެވެ. މިހާރު ތިޔަ އޮތީ ފުރުސަތު ފަހިވެފައެވެ. ފަހުން ކުރާނެ އަނިޔާއެއް ކޮށްފާނެއެވެ. ތިޔަހެން ވިސްނާން ނޯވެ، ލޮޓިއެއްދޭށެވެ.
ހައްވާދިޔެ ވިސްނައިލިއެވެ. އޭނާގެ އަތަކު ހަތިޔާރެއް ނެތެވެ. ކިތަންމެ ވަރެއްކުރާން ވެސް އޮތީ ހަމަ ކުރީގެ ހަތިޔާރެވެ. ދެ ދަތްޕިލައެވެ. މިހާރު އެ އޮފިސަރު އެ އޮތީ ނިކަން ރީތިކޮށް ކަރުގައި ދަތްއަޅައިލެވޭ ފަދަ ގޮތަކަށެވެ.
އޮފިސަރު އޭނާގެ ވަހުޝީ ނަވުގައި ދަތުރު ކުރިއަށް ގެންދިޔައިރު، ހައްވާދިޔެ އޮތީ ފުން ފިކުރެއްގައެވެ. އެހެން އޮވެފައި ހަމަ ކުއްލިއަކަށް ގެނައި އަލިފާން ހަރަކާތަކާ އެކު، ދުނިޔަވީ ޚިޔާލުތަކާއި ފިކުރުތަކުން ހުސްވެފައި އޮތް އޮފިސަރު ތެޅިގެންފިއެވެ. ވޭނީ އަޑަކުން ހަޅޭއްލަވައިގަންނަމުން، ފުންމައިގެން ތެދުވެއްޖެއެވެ. ދެ ލޯ ބޮޑުވެ، މޫނު ރަތްވެފައި ހުރެ، އަވަސް އަވަހަށް ކަރުގެ ކަނާތްފަޅީގައި އަތް އެޅިއިރު، އެ ތަނުން ވަނީ ލޭ ދުނިޖަހާފައެވެ. ކަރުގެ ކަނާތްފަރާތު މައިނާރު ވަނީ ބުރިވެފައެވެ. އެ ތަނުން ދުނިޖަހާފައިވާ ލޭތައް ފައިބަމުން ދިޔައީ، މި މަންޒަރު ބަލާން ތިރީގައި އުޑުތިލަމަތިން އޮތް ހައްވާދިޔެގެ ގައި މައްޗަށެވެ.
އޮފިސަރުގެ ކަރުގައި ހައްވާދިޔެ ދަތް އެޅިތަނުން ނަގަމުން ދިޔަ ދިލައާއި އަޅަމުން ދިޔަ ވޭނާ އެކު، އޭނާގެ މޫނުމައްޗަށް އަނދިރިވާން ފަށައިފިއެވެ. ބޮލަށް އެނބުރުން އަރާން ފަށައިފިއެވެ. އޭރު ވެސް އެ ތަނުން ފައިބާލެއަކަށް ބަދަލެއް ނާދެއެވެ. އޭނާއަށް ވަމުން ދިޔަ ގޮތް ބަލާން އޮތް ހައްވާދިޔެ، އެ މުޑުދާރު ލެއިން ކަޅިވަމުން ދިޔަ ނަމަވެސް އޮތީ އުފަލުންނެވެ. އެތައް ދުވަހަކަށްފަހު އޭނާގެ ހިކި މުރަނަވެފައިވާ ތުންފަތް މަތީގައި ހިނިތުންވުމުގެ ކުލަ ޖެހިލައިފިއެވެ.
އޮފިސަރު ލަވަމުން ދިޔަ ހަޅޭކުގެ އަޑަށް އެ ގޮޅިއަށް ދެ ފުލުހަކު ތެޅެމުން ފޮޅެމުން އައިސް ވަދެއްޖެއެވެ. އޭރު ޒަޚަމްވެފައިވާ އޮފިސަރު ތަޅުންގަނޑު މައްޗަށް ތިރިވަނީއެވެ. ދެ ފުލުހުންނަށް އައިސް އޭނާގެ ގައިގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އޭނާގެ ގައިން ވަރު ދޫވެ، އެ ދެ މީހުންގެ އަތް މައްޗަށް ދެމިއްޖެއެވެ. އެހައިތަނުން އެ ދެ ފުލުހުން އަވަސްއަވަހަށް އޭނާ އުފުލާލައިގެން ގެންގޮސްފިއެވެ. ހައްވާދިޔެ ހިރިނުލެވިފައި، އެ އޮތް ގޮތަށް އޮތެވެ. ލެއިން ތަތްތެޅިފައެވެ. އެހެންނަމަވެސް އޭނާގެ ހިތަށް މިއިން ދުވަހަކު ވެސް ނުލިބޭ ފަދަ އަރާމެއް މިއަދު ލިބިއްޖެއެވެ. ފިނިކަމެއް ވެރިވެއްޖެއެވެ. ލިބުނު ފޮނިމީރުކަމާ އެކު އޭނާއަށް ދެ ލޯ މަރައިލެވުނެވެ. އޭނާ މިހާރު ބޭނުންވަނީ އަބަދުގެ އަބަދަށް ދެ ލޯ މަރައިލާށެވެ. ދުނިޔެއިން އޭނާއަށް ދެން ލިބޭނެ އުފަލެއް އޮތް ކަމަކަށް އޭނާ މިހާރަކު ނުދެކެއެވެ.
އިރު އޮއްސި އާ ރެއަކާ ދުނިޔެ ކުރިމަތި ލައިފިއެވެ. ޖަލުގައި ހޭދަކުރަމުން ގެންދާ ދިވެހިންގެ މާޔޫސީ ހިތްތަކަށް ލިބޭ ކެކުޅުން ކުޑައެއް ނުވެއެވެ. ނިވިފައިވާ އުއްމީދުގެ ހުޅުކޮޅު އަލުން ދިއްލޭނޭކަމުގެ އެއްވެސް އިޝާރާތެއް ނުފެނެއެވެ. މި ރެއަކީ ވެސް އެހެން ރޭރޭ ފަދައިން ހިތްދަތި ކަރުނައިގެ ރެއެކެވެ.
ހައްވާދިޔެ އެ އޮތްގޮތަށް ލެއިން ތަތްތެޅިފައި އޮތެވެ. ދެ ލޯ ވަނީ މެރިފައެވެ. އޭނާ ބޭނުންވި ގޮތަށް އަބަދުގެ އަބަދަށް އެ ދެ ލޯ މެރުނީ ބާވައެވެ؟ ޖަލުގެ އަލި ފަނޑު ގޮޅީގެ ތެރޭގައި ވަނީ ހަމަހިމޭންކަމެވެ.
ކުއްލިއަކަށް ފެނުނީ ހައްވާދިޔެ އޮތް ގޮޅިއަށް، ދެ ފުލުހަކު އައިސް ވަދެގަތްތަނެވެ. އެ މީހުން އެ އައި ގޮތަށް އައިސް ތަޅުންގަނޑުމަތީގައި އޮތް ހައްވާދިޔެގެ ދެ އަތުގައި ހިފައި ކޮޅަށް ނަގައިފިއެވެ. ހައްވާދިޔެގެ ދެ ލޯ ހުޅުވުނީ އެ ވަގުތުއެވެ. އެ ދެ މީހުން ބަލާކަށް ނުތިބެ ހައްވާދިޔެ ދަމާފައި ކަހަލަ ގޮތަކަށް އެ ގޮޅިން ނެރެފިއެވެ. އެ މީހުންގެ ހަރަކާތްތަކާއި އަމަލުތަކުން ފެންނަނީ ހަރުކަށިކަމާއި ރުޅިވެރިކަމެވެ.
ގޮޅިން ނެރެގެން ހައްވާދިޔެ ގެންދިޔައީ ތަންކޮޅެއް އެތެރޭގައި ހުރި ކޮޓަރިއަކަށެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ، އެ ތަނުގައި ހުރި ފުރޮޅުލީ އެނދެއްގެ މަތީގައި އޮތް މީހެކެވެ. އެ މީހާގެ ކައިރީގައި ފުލުހުންގެ އިތުރު ދެ މީހަކާއި ދެ އޮފިސަރުން ތިއްބެވެ. ދެ ފުލުހުން އައިސް ހައްވާދިޔެ އެ ތަނަށް ގެންދިޔައީ، އެ ތަނުގައި އޮތް މީހާ ދައްކާށެވެ. ހައްވާދިޔެ އެ މީހާގެ މޫނަށް ބަލައިލިއެވެ. ފުރަތަމަ ނަޒަރުން ވެސް އެއީ ކާކުކަން އެނގުނެވެ. އެއީ މިއަދު އޭނާގެ ހަމަލާ އަމާޒުވި ނުލަފާ އޮފިސަރެވެ.
އެ މީހާގެ މެރިފައިވާ ދެ ލޮލާއި ދިރުމެއް ނެތް ހަށިގަނޑު ފެނުމުން، ހައްވާދިޔެގެ ހިތަށް ލިބުނު އުފަލަކީ ބަޔާން ވެސް ކޮށްދޭން ދަތި އުފަލެކެވެ. އޭނާއަށް ކިތަންމެ ރަނގަޅަކަށް ވެސް އާދަނާގެ މަރުގެ ބަދަލު ހިފިއްޖެ ކަމުގެ އުފާވެރި އިހުސާސް އެ ވަގުތު ކުރެވުނެވެ. އެންމެންގެ ތެރޭގައި ހުއްޓާ އޭނާގެ ގާތަށް އައީ ހިންޏެވެ. މި ތަން ފެނިފައި އެ ތަނުގައި ތިބި ފުލުހުންނާއި އޮފިސަރުންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އެ ތަނުން އެއް އޮފިސަރަކު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމާއި ހައްވާދިޔެގެ މޫނުމަތީގައި އަޅައި ވިހެލުމާ ދިޔައީ ދާދި އެކުއެކީގައެވެ.
ހިތަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން ހައްވާދިޔެއަށް ތަދު އިހުސާސް ވެސް ނުވިއެވެ. އެ މީހުން އޭނާ ދަމާފައި އެ ގެންދިޔަ ގޮތަށް ގެންގޮސް އާދަނާ ވެސް ބަނދެފައި ހުރި ދަގަނޑުގައި ރަނގަޅަށް ހަތަރެސްފައި ބަނދެލައިފިއެވެ. އޭރު އޭނާގެ ގާތުގައި ތިބި ދެ އޮފިސަރުންގެ ދެ ލޮލުން ރަންކަނި ބުރަމުން ދެއެވެ.
އެ ތަނުން އެކަކު އަތުގައި އޮތް ދަނޑިބުރިން ހެސް ކިޔާފައި ހައްވާދިޔެގެ އަނގަމަތީގައި ޖަހައިފިއެވެ. ތިން ހަތަރު ދަތް މުގުރިގެން އަތުވެއްޖެއެވެ. އަނގައިން ލޭތައް އޮހިގަތެވެ. އަނެއްކާ އަނެއް އެތިފަހަރު ބޮލަށް އަރުވާލައިފިއެވެ. ހަތަރު ފަސް އިންޗިހައި ދިގުކޮށް ދަށްބޮލުން ފަޅައިގެން ހިނގައްޖެއެވެ. އަނެއްކާ ވެސް އޮހިގަތީލެޔެވެ. ބޮލަށް ވީ ތަދާ އެކު މޫނުމައްޗަށް އަނދިރިވެ، ހައްވާދިޔެގެ ހޭވެރިކަން ގެއްލިއްޖެއެވެ. ކަނދުރާގެ ބާރު ކެނޑި ބޯ އެލިއްޖެއެވެ. އޭގެ ފަހުން ވެސް އެ ބަލިކަށި ހަށިގަނޑުގައި ތިން ހަތަރު ބޮޑި އެޅިއެވެ. އެއަށްފަހު ފުލުހުންނަށް އެންގީ އެ ތަނުން ހައްވާދިޔެ މޮހާލުމަށެވެ.
ހައްވާދިޔެގެ ހަށިގަނޑު އެ ތަނުން މޮހާލީ އުފެދުނު ހަމްދަރުދީއެއްގެ ސަބަބުން ނުވަތަ ކުލެއްގެ ސަބަބަކުން ނޫނެވެ. އެކަން އެނގުނީ މޮހާލުމަށްފަހު ދެން ހެދި ގޮތް ފެނިފައެވެ. ފެނުނީ ފުލުހުންނަށް އަންގައިގެން ހައްވާދިޔެގެ ދެ ފައިގައި ވާ އައްސާފައި އެ ތަނުން ހޮޅިއަކަށް އެކޮޅު ކޮޅުން ނެގިތަނެވެ. އެއްވެސް މީހަކު ކައިރިވެގެން ނުވާނޭކަމަށް ބުނެ އިންޒާރުދީފައި، ދެ އޮފިސަރުން ހިނގައްޖެއެވެ. ހައްވާދިޔެ ހަށިގަނޑު އެކޮޅުކޮޅުން އެލުވާފައި އޮތް އިރު ބޮލުން ލޭ ފައިބަމުން ދެއެވެ.
ގޮޅިތަކުގައި ތިބި އެންމެންނަށް ވެސް މި ހިތްދަތި އަނިޔާވެރި މަންޒަރުތައް ފެންނަމުންދިޔައެވެ. އެކަކަށް ވެސް ބަލާކަށް ނުކެރުނެވެ. ރޮއިރޮއި ތިބީއެވެ. ޒުވާން ދެމަފިރިންގެ މާމުއިހަނދުގެ އުފާވެރި ދަތުރާ އެކު، އެ ދެމަފިރިންގެ ހަޔާތް ނިމިގެންދާ އަނިޔާވެރި ގޮތް ފެނިފައެވެ.
އެ ރޭގެ މެންދަމުގެ ކުރީކޮޅުގެ ވަގުތެވެ. މުޅި ޖަލަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އިނގިރޭސީންގެ ހަތަރު މީހަކު ގޮޅީން ނެރެގެން ފުލުސް އޮފީހަށް ގެންގޮސްފައި ވީނަމަވެސް، އެ މީހުންގެ ވެސް އެއްވެސް އަޑެއް ބަޑެއްނެތެވެ. ލަފާކުރެވެނީ އަނިޔާ ނުކުރަނީ ކަމަށެވެ.
މި ފަހަކަށް އައިސް އިއްތިހާދީންގެ އެއްވެސް ހަމަލާއެއް ޖަލަށް ނުވަތަ މިސަރަހައްދަށް އައިސްފައި ނުވާތީ، ޖަޕާނު ސިފައިން ވަނީ އެކަމަށް ވަރަށް ބޮޑަށް ޣާފިލުވެފައިކަމަށް ފެނެއެވެ. ލިބިފައިވާ ކާމިޔާބީގެ މައްޗަށް އެ މީހުން ތިބެނީ ވަރަށް ބޮޑަށް ފަޚުރުވެރިވެ، ބޮޑާވެފައެވެ. ކުއްލި ހަމަލާއެއް އަތުވެދާނޭ ކަމުގެ މާބޮޑު ފިކުރެއް ނެތުމުން، އެ ފަދަ ކަމަކަށް އެންމެ އެދެވޭ ގޮތެއްގައި ތައްޔާރުވެފައެއް ވެސް ނެތެވެ.
އެފަދަ ގޮތަކަށް ޖަޕާނުގެ ހަނގުރާމައިގެ ލަޝްކަރު އޮއްވާ، މި މެންދަމުގެ ހަމަހިމޭން ވަގުތުގެ ހަމަހިމޭންކަން ނެތިކޮށް ފުނޑުފުނޑުކޮށްލީ، އިނގިރޭސި މަތިންދާ ބޯޓުތަކުން ބޯ ވާރޭގަނޑެއްގެ މިސާލުގައި މުޅި ސަރަހައްދަށް ބޮން އަޅަންފެށުމުންނެވެ. މަނަވަރު ފަހަރުން ހެސްކިޔާފައި ބަޑިޖަހާއަޑު ވެސް އިވޭން ފަށައިފިއެވެ. ޖަލާ ވަރަށް ކައިރިއަށް ވެސް ބޮން އަޅާން ފަށައިފިއެވެ.
ލިބުނު ކުއްލި ސިހުމާއި ބިރުވެރިމުގެ ތެރޭގައި، ޖަލު ބަލަހައްޓާން ތިބި ޖަޕާނު ސިފައިން، ތެޅިފޮޅިގަތީ އަމިއްލަ ޖާނު ސަލާމަތް ކުރެވޭތޯއެވެ. ހައްޔަރުކޮށްފައި ތިބި މީހުންނަކަށް ބެލުމެއް ނެތެވެ. އެ މީހަކަށް ޖެހުނު ދިމާއަކަށް އެ މީހަކު ދުއްވައިގެންފިއެވެ. ފުލުހުންގެ އޮފީހަށް ގެންގޮސްފައި ތިބި އިނގިރޭސި ހަތަރު މީހުންނަށް ލިބުނީ ރަނުގެ ފުރުޞަތެކެވެ. އެ މީހުން ލިބުނު ކުޑަކުޑަ މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިފިއެވެ. ދުވެފައި އައިސް އެ ގޮތް މި ގޮތުން ގޮޅިތަކުގެ ދޮރުތައް ހަލާކުކޮށްލައިގެން، އިނގިރޭސީންގެ އަނެއް ހަތަރު މީހުން ނެރެފިއެވެ. އެއަށްފަހު އެ އަށް މީހުން ވެގެން، ހަ ދިވެހީން ވެސް ގޮޅިތަކުން ނެރެފިއެވެ. އޭރުވެސް ބޮމުގެ އަޑާއި ބަޑީގެ އަޑު، މެދުނުކެނޑި އިވެމުން ދެއެވެ.
ގޮޅިން ނިކުމެވުމާ އެކު، ކޮންމެ މީހަކު ވެސް ދުއްވައިގަންނަނީ ޖަންގައްޔާ ދިމާއަށެވެ. އަހުމަދުދީދީ ވެސް ފުރަތަމަ ދުއްވައިގަތީ، އެ މީހުންނާ އެކު ޖަންގައްޔާ ދިމާއަށެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު ހައްވާދިޔެ މަތިން ހަނދާންވެގެން، އޭނާ އެނބުރި އެ ދިމާއަށް ދުއްވައިގަތެވެ. ހައްވާދިޔެ އެކޮޅުކޮޅުން އެލުވާފައި އޮތް ދިމާއަށެވެ. އޭރު ވެސް އެ އޮތް ގޮތަށް ހައްވާދިޔެގެ ހަށިގަނޑު އޮތެވެ. އަހުމަދުދީދީ ގޮސް އަތް ޖައްސައިލިއިރު، ހައްވާދިޔެ އޮތީ އެ އޮތްގޮތަށް އޮވެ މަރުވެ ހަރުވެފައެވެ.
އަހުމަދުދިދީގެ ދެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އެ ވަގުތު އަނެއްކާ ވެސް ބޮމެއް ގޮއްވާލި އަޑު ވަރަށް ކައިރިން އިވިއްޖެއެވެ. ލިބުނު ސިހުމާ އެކު އޭނާ އަވަސްއަވަހަށް ދުއްވައިގެންފިއެވެ. ހައްވާދިޔެގެ ހަށިގަނޑު އެ ތަނަށް ދޫކޮށްލާފައި ޖަންގައްޔާ ދިމާއަށެވެ. މި ނާޒުކު ވަގުތު އެހެން އެއްވެސް ގޮތެއް ނެތީއެވެ.
ޖަންގަލީގެ ތެރޭގައި ދުވަމުން ދުވަމުން ގޮސް، އިރު އަރަންވިއިރު މީހުން އުޅޭ ސަރަހައްދަކަށް އެ މީހުންނަށް ނިކުމެވިއްޖެއެވެ. މި ފަހަރު ނަޞީބު އެ މީހުންނާ އެކު ހިނިތުންވެލި ފަހަރެއްކަމަށް ފެނެއެވެ. ދިމާވީ ވަރަށް ރަނގަޅު ބަޔަކާއެވެ. މުސްލިމުންގެ ބައެކެވެ. އެ ތަނުން އެ މީހުންނާ ބައްދަލުކުރީ އަބުދުއްރަޙުމާނު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެންމެންނަށް އުނުއޮރިޔާން ނިވާކުރެވޭނޭގޮތް ހަމަޖައްސައިދިނެވެ. އެ ހައިތަނުން އަބުދުއްރަހުމާނާ ދިވެހިންގެ ހަ މީހުން ހަވާލުކޮށް އެމީހުން ސަލާމަތްކޮށްދެވޭތޯ ބެލުމަށް ބުނެފައި، އިނގިރޭސީންގެ އަށް މީހުން ޖަންގައްޔަށް ވަދެގެން ހިނގައްޖެއެވެ.
ދިވެހިންގެ ތެރެއިން ސަލާމަތްވި މީހުންނަކީ ސ. ހިތަދޫ އަހުމަދުދީދީއާއި ފަރެސްމާތޮޑާ ރެކިފުތާއާއި އެ ރަށު އާދަންފުތާއާއި އެ ރަށުގައި ދިރިއުޅޭ ފިޔޯރީ އާދަނާއާއި ކުދުމޫސުބެއްޔާގެ ފުތާގެ މޫސާފުތާއި އެޅެފުތާގެ މުހައްމަދުކަލޯއެވެ. މި ހަ މީހުންނަށް ދެން ކަންދިމާވީ، ﷲ ގެ ރަހުމަތްފުޅުން ވަރަށް ރަނގަޅަށެވެ. ޖަޕާނުސިފައިންގެ އަތް ދަށުގައި ހައްޔަރުވާކަށް ނުޖެހުނެވެ. އެ ރަށުގެ އަހުލުވެރިންގެ ގޮތުގައި ހަނޑޫދަނޑުތަކުގައި މަސައްކަތްކޮށް އުޅޭތާ ހައެއްކަ މަސް ވީތަނާ، ހަނގުރާމައިން ޖަޕާނު ބަލިވެ، އިއްތިހާދީންނަށް ކާމިޔާބު ލިބިއްޖެއެވެ.
އެހައިތަނުން ޖަޕާނުންނާ މެދު ދިވެހީންގެ ހިތުގައި އޮތް ބިރު ފިލައިފިއެވެ. އާ ދުނިޔެއަކަށް ލޯ ހުޅުވުނު ކަހަލައެވެ. އަޅުވެތިކަމުގެ ބިރުވެރިން ފިލައި، މިނިވަންކަމުގެ ފިނިކަން ހިތަށް ލިބިގެން ދިޔައެވެ. އެ މީހުންގެ ހިތްތަކުގައި އުފާވެރި ރަނގަބީލު ޖެހެންފަށައިފިއެވެ.
އެގޮތް މިގޮތުން ދިވެހިސަރުކާރުގެ އެހީއާ ވެސް އެކުގައި، ދިވެހީންގެ ހަ މީހުންނަށް މާލެއަށް އާދެވުނީ ހިޖުރައިން 1365 ވަނަ އަހަރު ރަބީޢުލް އާޚިރުމަހުގެ 26 ވަނަ ދުވަހުއެވެ. ދެ އަހަރާއި ނުވަވަރަކަށް މަސްދުވަހުގެ ގަނަތެޅުމަކަށްފަހު ސަލާމަތްވެގެން އާދެވުނީ، އެ މީހުންގެ ހަތް ބައިވެރިން ދޫކޮށްލާފައެވެ. އެ ހަތް މީހުންނަށް ކުރި އަނިޔާއާއި އެ މީހުން ރުއިރުއިމާއި ކުރި އާދޭހާއި މަރާލި ހިތްދަތި ގޮތް، މިހާރު ވެސް އެ ހަމީހުންގެ ހިތަށް ސިފަވަމުން އާދެއެވެ.
ނިމުނީ
Be the first to comment