ހަފުސް

ހަފުސް

ހަނދުމަހުގެ ސާދަވިލޭރޭގެ އިރާކޮޅުގެ ވަގުތެވެ. ހަނދުވަރުގެ ރިހި އަލިން ރޯޝަންވެފައިވާ، ގދ. މަޑަވެލީ ރަށްދެބައި މަގުން، ބަނދަރުމައްޗާ ދިމާއަށް ހިނގާލައިފައި އަންނަ ޒުވާން ދެމަފިރިންނަކީ، އެކަކު އަނެއްކަކު ދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިންނެވެ. އެ ދެމަފިރިން އެކަކު އަނެކަކާދިމާއަށް ބަލައިލާގޮތާއި ކޮށްލައި ހަރަކާތްތަކުން އެ ވާހަކަ ބުނެދެއެވެ. ކަކުލާހަމައަށް ފައިބާ، އޮރެންޖު ކުލައިގެ މައްޗަކާއި ކަޅު ޖިންސެއް ލައިގެން، އޮރެންޖު ކުލައިގެ ކުދި މާތަކެއް ޖެހި ކަޅު ޝޯލެއްގައި ހުރި، މުނިޔާގެ ރީތިކަން އިތުރުކޮށްދެނީ، އޭނާގެ ފަރި ހިނގުމެވެ. ފަސް ފޫޓަށް ދެމިލައިފައިވާ އެ ހަށިގަނޑާ ދިމާއަށް ހުއްޓޭ ކޮންމެ ކަޅިއެއްގައި ހުންނަނީ ތައުރީފުގެ ބެލުމެކެވެ. ނޫނީ ހަސަދައިގެ ކަޅިއެޅުމެކެވެ. ކަޅު ކުލައިގެ އަތް ދިގު ގަމީހަކާއި ގަދަ ނޫ ކުލައިގެ ޖީންސެއްގައި ހުރި ސާޖިދު ހުރީ، މުނިޔާގެ އަތުގައި ހިފާލައިގެންނެވެ. އެ ދެމަފިރިންގެ ދެމެދުގައި ބަދަލުކުރެވެމުން ދިޔައީ ލޯތްބާއި އުފާވެރިކަމުން ކުލަޖެހިފައިވާ ލަފުޒުތަކާއި ޖުމުލަތަކެވެ.

ސާޖިދާއި މުނިޔާ ކައިވެނިކުރީ މީގެ ތިން މަހެެއްހައި ދުވަސް ކުރީން މާލޭގައެވެ. މުނިޔާ އުޅެ ބޮޑުވީ މާލޭގައި ކަމަށް ވިޔަސް، އޭނާއަކީ މަޑަވެއްޔަށް އުފަން، މަޑަވެލީގެ ރައްވެއްސެކެވެ. ރަށަށް އައީ، މި އަހަރު ގުރޭޑް ނުވައެއް ނިންމާލި ކޮއްކޮގެ ސްކޫލް ބަންދާ ގުޅިގެން، މަަންމަ ރަށަށް އަންނާން ބޭނުންވުމުންނެވެ. ސާޖިދަކީ ހއ. ފިއްލަދުއަށް އުފަން ޒުވާނެކެވެ. މަޑަވެއްޔަށް އައީ އަލަށެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި ހުންނަ ހިތްހެޔޮ، އެކުވެރި މިޒާޖުގެ ސަަބަބުން، ހަފުތާއެއްހައި ދުވަސްތެރޭގައި މި ރަށުން ރައްޓެހިންކޮޅެއް ހޯދައިފިއެވެ.

ސާޖިދާއި މުނިޔާ ބަނދަރު މައްޗަށް ފައިބައި، ހުއްޓޭކޮޑާ މަގުން ދެކުނަށް ހިނގައިގަތެވެ. އެއާއެކު އިރުދެކުނުން ޖެހެމުން އައި ހިތްފަސޭހަ ވައިރޯޅި އައިސް، އެ ދެ ކުދިންގެ ހަށިގަނޑުގައި ބައްދާލިއެވެ. ފިނިފިނި އަތަކުންނެވެ. އޭރު ސާދަވިލޭރޭގެ ފުރިހަމަ ހަނދު، އިރުމަތީ އުދަރެހުގައި ދަމަކަށް އަރައި، އެ ދެމަފިރިންނާ ދިމާއަށް ހިނިތުންވެ ބަލަހައްޓައިގެން ހުއްޓެވެ. ހަނދުގެ ރިހި އައްޔާއި ބަނދަރުމަތީގައި ޖަހާފައި ހުރި ބައްތިތަކުގެ ރަތް އަލި އެކުވެގެން އުފެދިފައިވާ މަސްހުނި އަލި، މުނިޔާގެ މޫނުގައި ފިރުމާންފެށީ އޯގާވެރި އަތަކުންނެވެ. އެ މޫނު އިތުރަށް އުޖާލާކުރުވަމުންނެވެ.

“މާޝާﷲ! ހާއްދަ ރީއްޗޭ! މުނީގެ މޫނު ފެނިފަ، ހަނދު ވެސް އެހެރީ ލަދުގެންފަ.” މުނިޔާގެ މޫނަށް ސާޖިދު ބަލައިލީ، އުފަލުން ފުރިފައިވާ ހިތަކާއެކުގައެވެ. ހަޔާތުގެ ބައިވެރިއަކަށް ފަސްމީރު ކުރިރުކެއް ލިބުނީތީ، ހިތާހިތުން ޝުކުރުވެރިވަމުންނެވެ.

“ދެން… ސާޖީ!” ސާޖިދުގެ އަތުގެ މުލައްދަނޑީގައި ބައްދާލަމުން، ސާޖިދުގެ ކޮނޑުގައި މުނިޔާ ބޯ އަޅައިލިއެވެ. ހިނިތުންވެލަމުންނެވެ.

“ކޮން ތާކަށް މިހާރު މި ދެވެނީ؟”

“ހުއްޓޭކޮޑާއަށް.” މުނިޔާ އިޝާރާތްކުރީ، ރަށުގެ ދެކުނު ކޮޅަށެވެ. “ވަރަށް ރީތި ތުނޑިއެކޭ އެއީ.”

ސާޖިދާއި މުނިޔާ ހުއްޓޭކޮޑާއާ ދިމާއަށް ހިނގަމުން ދިޔައިރު، “ކަޅުފޮށީ”ގައި ތިބި މީހުންގެ ލޯތައް، އެ ދެމަފިރީންނާ ދިމާއަށް ހުއްޓިފައި ހުރިކަމެއް އެ މީހުން ނުދެނަހުއްޓެވެ. ހަރަކާތްކުރަމުން ދިޔަ ދޫތަކުގެ އަޑެއް، އެ ދެމަފިރީންގެ ކަންފަތާ ހަމައަކަށް ނުފޯރައެވެ. އެ މީހުން، އެ މީހުންގެ ލޯބީގެ އުފާވެރި ދުނިޔޭގައި ސަމާސާ ވާހަކަތަކުގައި ތިބެ، ހުއްޓޭކޮޑާއަށް ފޭބިއެވެ.

“މީ ހާދަ ރީތި ތުނޑިއެކޭ!” ހަނދުވަރުގެ އަލިން ދިއްލިފައިވާ ދޮންވެލިގަނޑަށް ސާޖިދު ބަލައިލީ، ގުދުރަތުގެ ފުރިހަމަކަމަށް ތައުރީފު ކުރަމުންނެވެ.

މުނިޔާގެ އަތުން ދޫކޮށްލުމަށްފަހު، ތުނޑިމަތީގައި ސާޖިދު ހިނގައިލިއެވެ. އެ ކޮޅަށާއި މި ކޮޅަށް ނަޒަރު ހިންގައިލިއެވެ. ތުނޑީގެ ކޮންމެ ދިމާއަކުން ވެސް ސާޖިދުގެ ހިތަށް ލިބުނީ ދިރުމެވެ. އުފާވެރިކަމެވެ. މި ތުނޑިއަށް މީގެ ކުރިން ސާޖިދެއް ނާދެއެވެ. އެހެންކަމުން މި ރީތިކަން ފެނިފައި، އޭނާގެ ހިތް ވަނީ އުފަލުން ބަނޑުންވެފައެވެ. މުނިޔާ ހުރީ، އޭނާގެ ރަށުން ފިރިމީހާއަށް ލިބޭ ހިތްހަމަޖެހުން ފެނި އުފާވެފައެވެ. ތުންފަތްމަތީީގައި ދުވެލަދުވެލައި ހުރި ހިނިތުންވުން އެ ވާހަކަ ބުނެދެއެވެ.

“ހިނގާ އެހެރަ ހޮޅުއަށީގައި ޖައްސާލަން!” ފަހަތުގައި ހުރި މުނިޔާއާ ދިމާއަށް ބަލައިލަމުން، ދުރުގައި ހުރި ހޮޅުއަށްޓަށް ސާޖިދު އިޝާރާތްކުރިއެވެ.

މުނިޔާ ގޮސް ސާޖިދުގެ އަތުގައި ހިފައިލަމުން، ހޮޅުއަށްޓާ ދިމާއަށް ހިނގައިގަތެވެ. މި ރޭގެ ރަން ތާޖުގެ ވެެރިޔާ، މެދު އުޑަށް ފަށައިގެން އުޅޭ ދަތުރައިގެން ބުރަހެލިކަމާއެކު ކުރިއަށް ދިޔައީ، ތުނޑިމަތީގައި ތިބެ އެ ދެމަފިރީން ފެންވަރާނެ ރިހި ހަނދުވަރުގެ ދޯދިތައް ހަދިޔާކުރަމުންނެވެ.

ސާޖިދުގެ ދެމަފިރިން ގޮސް ހޮޅުއަށީގައި ޖައްސާލިއެވެ. ކަނޑަށް މޫނުލައިގެންނެވެ. ފޫދެމުން އަންނަ ދިޔަވަރާއެކު، ނުވަރުގެ ރާޅު އައިސް ގޮނޑުދޮށާ ކުރާ ލާނެތް ސަމާސާގެ އަޑުން، އެ މާހައުލުގައި އުދައްދާފައިވާ މިޔުޒިކަކީ ހިތްފަސޭހަ އަޑެކެވެ. ސާޖިދުގެ ގައިގައި ޖެހި ފިތިގެން އިން އިރު، މުނިޔާގެ ބޯ އޮތީ ސާޖިދުގެ ކޮނޑުމަތީގައެވެ. އަތް އޮތީ ސާޖިދުގެ އަތުގެތެރޭގައެވެ. ސާޖިދު އިނީ އެ އަތުގައި މަޑުމަޑުން ފިރުމައިލަ ފިރުމައިލައެވެ.

“މި ކަހަލަ ރެއަކު ކުޑަކުޑަ ރިޔަލު ބޮއްކުރައެއްގައި، ދެ މީހުން ދަތުރުކޮށްލަން ހާދަ އަރާމުވާނޭ!” ހަނދުވަރުގެ އަލިން ދިރުންލިބިފައިވާ ކަނޑަށް ނަޒަރު ހުއްޓާލައިގެން އިނދެ ސާޖިދު ބުނެލިއެވެ. “ކެރޭނެތަ؟”

“ސާޖީ އިންނާނަމެއްނު މަގޭ ގާތުގަ.”

“ގާތުގައެއް ނޫން! އުނގުގަ.”

“އަޅެ ހާދަ ލޯތްބޭ!” މުނިޔާ ލޯ މަރައިލީ، ސާޖިދުގެ އަތަށް ފިތާލަމުންނެވެ.

“މާދަމާ މަސްދަތުރު ދާގޮތަށްތަ އޮތީ؟” ދެކެވެމުން ދިޔަ އެކިއެކި ވާހަކަތަކުގެ ތެރެއިން މުނިޔާ އަހައިލިއެވެ.

“އާނ! މަސްދަތުރު ނުގޮހެއް ނުވާނެއެއްނު!” މަަހަށް ދިޔުމަކީ ސާޖިދު ވަރަށް ފޯރި ހުންނަ ކަމެކެވެ. “މުނީ ވެސް ދާންވާނެ. ނިޔަމް ވެސް ގޮވައިގެން ދާނީ.” ނިޔަމްއަކީ މުނިޔާގެ ކޮއްކޮއެވެ.

“އަހަރެން ނުވޭ މަހަށް ދާހިތެއް! އެކަމަކު ސާޖީ ދާތީ ވަރަށް ދާ ހިތްވޭ!”

“މޫސަމެން މިހާރު ރާވާފައި އޮތީ، ހަވީރު މަސް ބާނައިގެން، އިރުއޮއްސޭއިރަށް “ކަނޑެވާރެހާ” ކިޔާ ރަށަކަށް ދާން!”

“ކަނޑެވާރެހާއަށޭ؟” ސާޖިދުގެ ކޮނޑުމަތިން، ބޯ އުފުލަައިލައި ސާޖިދުގެ މޫނަށް މުނިޔާ ބަލައިލިއެވެ.

“އާނ! އެ ރަށަށް ގޮސް، ބާބަކިޔު ހަދާނީޔޯ. މަޖާވާނެއެއްނު!” ސާޖިދު އިނީ ވަރަށް ގަޔާވެފައެވެ.

“އެއީ ފަޅުރަށެއް! މަށަކަށް ނުކެރޭނެ ދާކަށް! މަންމަ ނުވެސް ފޮނުވާނެކަންނޭނގެ!”

“އެއީ ވަރަށް ދުރުގައި އޮންނަ ރަށެއްތަ؟”

“ނޫން! މި ތާ ވަރަށް ކައިރީގައި އޮންނާނީ.”

“އޭރުން އޯކޭއެއްނު! ދާންވާނެ! މި ކަހަލަ ހަނދުވަރުދޭ ދުވަސްވަރަކު ކިހައި ފައްކާވާނެ! އަހަރެން ބޭނުން މުނީއާއެކު އެ ރަށުގެ ބީޗުގަ ހިނގާލަން. ހަނދުވަރުގެ ތެރޭގައި، ފޮޓޯ ނަގައި ހަދާލަން.” މުނިޔާ ގެނެސް ގައިޔާ ކައިރިކޮށްލަމުން، މުނިޔާގެ ގައިގައި ސާޖިދު ބައްދާލިއެވެ. ސާޖިދުގެ ގައިން ދުވި މަޑުމަޑު މީރުވަހުން، މުނިޔާގެ އެތެރެހަށި ފުރުނެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިން ފިނިކަން އުފައްދާފައިވާ މުނިޔާގެ ހަށިގަނޑަށް، ސާޖިދުގެ ހޫނުކަން ވަދެ، އެ ހަށިގަނޑުގައި އުފާވެރިކަމުގެ އާރެއް އުފެދި ކޮޅުކޮޅަށް ދެމޭންފެށިއެވެ.

“މަ ވެސް މިހެން ދެކޮޅަށް ދެމިދެމި މިހިރަ ހަލާކުވަނީ. މަ ވަކި އަރާމުގަތަ މި އުޅެނީ؟” ފޯނު ކަންފަތުގައި ޖަހައިގެން ސިޓިންރޫމުގައި އިން ވަސީމާއަށް އިވުނީ ފައިސަލްގެ ނުރުހުުމުގެ އަޑެވެ.

“ތިހެން ވީމައެއްނު މި ދަތުރުގަ އަންނަން ވެސް މަ ބުނީ. ފައިސަލް ބޭނުން ނުވީނު އަންނަން.”

“ދިޔައިމަ ކާކު ފައިސާ ހޯދަނީ؟ ވަސީމާ އަތުގައި ރަންވަޅެއް ހުރީތަ؟” ކޮންމެ ދުވަހަކު ގުޅާފައި އެއް ވާހަކައެއް ދައްކާތީ ފައިސަލް ހިތްހަމަނުޖެހުނެވެ.

“އެ އެއް ނޫން ވާ ގޮތަކީ. މަ ނޫޅެން ވާ ގޮތް އޮޅިގެނެއް.”

“ކޮބާތަ ވާގޮތަކީ؟”

“މަށާއެކު މި ރަށަށް އައިމަ، ތި އުޅޭ އުޅުމެއް ނޫޅެވޭނެއެއްނު!”

“ކޮން އުޅުމެއްތަ މަ އުޅެނީ؟”

“ހިލޭ އަންހެނުން ފަހަތުން ދުވާ ދުވުން ހުއްޓާލަންޖެހި…”

“ބުނަންތަ ރަނގަޅު ވާހަކައެއް. ކޮންމެހެން ޒުވާބުކުރަން އުޅޭނެކަމެއް ނެތް! މަ މި ތެޅޭ ތެޅުމެއް ތެޅެނީ ހަމަ ކަލޭމެންނަށް ޓަކައި. ކަލޭމެންގެ އުފަލަށް ޓަކައި.”

“ތި ތެޅުން ތެޅިގެން މަށަށް އޮތީ ކޮން ފައިދާއެއް؟ ބޭނުންވާ އެއްޗެއް ގަނެލާނެ ފައިސާފޮއްޗެއް އަތުގައި އޮންނަނީއެއް ނޫން! ބޭސް ހުސްވެގެން ބޭސް ފޮނުވަން ބުނިފަހުން ހަތަރު ދުވަސްވީ. އެ ވެސް ފޮނުވުނީއެއް ނޫން! މިހާރު ވެސް ކައިބޮއި މި ހަދަނީ މުނިޔާއާ ސާޖިދަށް ލިބޭ އެއްޗަކުން.”

“ކިހައި ރަނގަޅު! ކިހައި ރީތި! މަށަށް ކޮށްދެވުނު ކަމެއް ނެތެއްނު! ތަނެއް ކުއްޔަށް ހިފައިގެން މާލޭގައި އުޅޭތާ ސޯޅަ، ސަތާރަ އަހަރުވީ އިރު، މަތިން މީހަކު ފައިބާތަ ކުލި ދެއްކީ؟ ދަރިންނަށް ކިޔަވައިދީ ނިމޭއިރު، އެހެން މީހަކު ބޮޑުލާރިއެއް ވެސް ދިއްކޮށްލިތަ؟ އެ ކުދިންނަށް ވެސް މިއަދު އެއްޗެއް ތިޔަ ދެވެނީ، މި ދެ އަތުން ބުރަ މަސައްކަތްކޮށް އެ ކުދިން ބަޔަކަށް ހެދީމަ.”

“ދެން ކޮންމެހެން ކަލަގޮވާނެކަމެއް ނެތް! އިނދެގެން އުޅެންޏާ ޖެހޭނީ ކޮށްދޭން! ދަރިން ހޯދަންޏާ ޚަރަދު ވެސް ކުރަންޖެހޭނެ!”

“ކަލަގޮވަނީއެއް ނޫނޭ! ވަސީމާ ނިކަން ވިސްނައިލަބަލަ!” ފައިސަލްގެ އަޑާއި ރާގު ބަދަލުކޮށްލިއެވެ. “އަހަރެން ޗުއްޓީގަ ރަށަށް ނުގޮސް މި ހުރީ، ދާހިތް ނުވާތީއެއް ނޫނޭ! ފަށައިގެން މި އުޅޭ މަސައްކަތް ނިންމާނުލައި، އެއްވެސް ދިމާއަކަށް ޖެހިިލެވެންނެތްކަން، ވަސީމާއަށް ހަމަ ރަނގަޅަށް އެނގޭނެ! އެކަމަކު ހަމަ ކޮންމެ ދުވަހަކު ގުޅާފަ ތި ކުރަނީ އެ ޝަކުވާ. ތިހެން އުޅެގެން ދުވަހަކު އުފާވެރިކަމެއް ދިރިއުޅުމަށް އަންނާނެތަ؟”

“ތިތާ ހުރީމަ ފައިސަލަށް ހުރިހައި އުފަލެއް ވެސް ލިބޭ ވިއްޔަ. އެހެންވީމަ ފައިސަލަށް އެ ވީނު.”

ވާހަކަ މިހައި ހިސާބަށް ދިޔަތަނާ ފެނުނީ، މުނިޔާއާއި ސާޖިދު އައިސް ގެއަށް ވަންތަނެވެ. އެހައިތަނުން ފޯނު ކުރުކޮށްލާފައި ވަސީމާ ފޯނު ބޭއްވީ، އެ ދެމަފިރިންގެ ހޫނު ވާހަކަތައް، އެ ކުދިންނަށް އިއްވާން ބޭނުން ނުވާތީއެވެ.

“ކޮންތާކުން ކޯއްޗެއް ގަނެގެން ތި އައީ؟” އެ ކުދިންގެ އަތުގައި ހުރި ކޮތަޅުތައް ފެނިފައި ވަސީމާ އަހައިލިއެވެ

“އައި މަގުމަތީގައި “ދީނާރު” ފިހާރައަށް ވަދެ، ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލީ. ކޮބާ ކޮއްކޮ؟”

“ކޮޓަރީގަ އެބައިން ކޮންމެވެސް އެއްޗެއް ބަލަން. އެއީ އެއްނު ކޮއްކޮގެ ކަމަކީ.” ފައިސަލާ ދެބަސްވުމުގެ ސަބަބުން އުފެދުނު ނުރުހުމުގެ ކުލަވަރު ވަސީމާގެ މޫނުމަތީން އަދި ފިލައިގެނެއް ނުދެއެވެ.

“ކޮއްކޮގެ އޮންނާނީ ކޮރެއަން ސީރީޒް ބެލުން.” ގެނައި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓާފައި މަންމައާ ދިމާއަށް މުނިޔާ ހިނގައިގަތެވެ.

“ބައްޕަ ގުޅީތަ؟” މަންމަގާތުގައި ޖައްސާލަމުން މުނިޔާ އަހައިލިއެވެ. މުނިޔާއާ ޖެހިގެން ސާޖިދު ވެސް އިށީންނިއެވެ.

“އާނ! ދެންމެ ގުޅި. ދަރިފުޅުމެން ކޮން އިރަކުން ކަނީ؟ ކޮއްކޮއަށް ގޮވައިގެން ކާން އުޅެންވީނު!”

“މަންމާ! އޯކޭތަ ކަނޑެވާރެހާއަށް މާދަމާރޭ ބާބަކިޔު ހަދަން ދިޔަސް؟”

“ކަނޑެވާރެހާއަށޭ؟ ރޭގަނޑު؟” މުނިޔާއާ ދިމާއަށް ވަސީމާ ބަލައިލީ، ނުރުހުމުގެ ނަޒަރަކުންނެވެ.

“އެހެން ބުނީމަ ހާދަ ފާޑަކަށް ތި ބަލައިލީ.” ލޯ ކުޑަކޮށްލާފައި ފައިސަލް ބަލައިލުމުން، ސަލީމްގާތަށް ހިނިއައެވެ.

“ތި ކަހަލަ ވާހަކަ ދެއްކީމާ ފާޑަކަށޭ ބެލޭނީ!”

ސަލީމާއި ފައިސަލް ތިބީ، ފުޑްކޯޓުގެ ހަލަބޮލި މާހައުލުގެ ކެފޭއެއްގައި، ހެނދުނުގެ ނާސްތާއަށް އިންސާފުކުރާށެވެ. ކާތަކެތީގެ މީރު ވަހުން އެއް ވަސްވެފައިވާ އެ މާހައުލުގައި، އިތުރަށް ހިފާފައިވަނީ، އެކި މީސްމީހުންގެ ވާހަކަދެއްކުމުގެ އަޑާއި ހުނުމުގެ އަޑެވެ.

މިއީ ފައިސަލަށް ސަލީމު ދިން ދަޢުވަތެކެވެ. ދިމާނުވާތާ ހަފުތާއެއްހައި ދުވަސްވެފައިވާތީ، ދިމާވެލަން ސަލީމު ބޭނުންވީއެވެ. ސަލީމާއި ފައިސަލަކީ ޒުވާން އުމުރުގެ ދެ ރަޙުމަތްތެރިންނެވެ. މި ދެ މީހުންނަކީ، ކުރިން ދާދި އެއް މަގަކުން ދަތުރުކުރި ދެ މީހުންނެވެ. ހެޔޮ ކަންކަމަށް އިސްކަންދީ، ނުބައި ކަންކަމަށް ފަސްކަންދީގެން އުޅުނު، ހެޔޮލަފާ ދެ މީހުންނެވެ. ސަލީމްގެ އުޅުން އަދި ވެސް ހުރީ ހަމަ އެ ގޮތުގައެވެ.

ސަލީމް ވަޒީފާއަދާކުރަނީ، ރޯމަސް ބޭރުކުރާ ކުންފުންޏެއްގެ މައި އޮފީހުގައެވެ. ލިބޭ ޢާމްދަނީން އަބުރުވެރި ދިރިއުޅުމެއް އުޅެލެވޭވަރުވެއެވެ. އަނބިދަރީން ރަށުގައި ބައިތިއްބާފައި، މާލެއިން ކުޑަ އަގެއްގައި ކޮޓަރިގަނޑެއް ނަގައިގެން ދިރިއުޅެނީ، ރަށުގައި ހުރެ ކުރެވޭނެ މާ ރަނގަޅު މަަސައްކަތެއް ނެތީމައެވެ. ލިބޭ ކޮންމެ ޗުއްޓީއެއްގައި، އޭނާ އަނބިދަރީން ގާތަށް ދެއެވެ. މައިންބަފައިންގެ މުދަލުން ބަހައިގެން ލިބުނު މުސްކުޅިގެ، އޭނާ އަންނަނީ ފައްކާކުރަމުންނެވެ. ލިބޭ އާމްދަނީން ބާކީކޮށްގެންނެވެ. ދަރީން ބޮޑެތިވާންވާއިރަށް އުޅެލެވޭވަރު ކުރެވޭތޯއެވެ.

“ރަނގަޅު ވާހަކައެއް ނޫންތަ އަޅެ މި ބުނީ؟” ފައިސަލް ބުނި ވާހަކައާ ގުޅިގެން ސަލީމް އަހައިލިއެވެ. ސައި ފޮދެއް ބޮއިލަމުންނެވެ.

“ތިކަން ކުރެވިދާނެ! އޭރުން ސަލީމް ތި ބުނާހެން، ފަހަރެއްގައި ވަސީމާގެ ކުސްތެޅުމަށް ނިމުމެއް ވެސް އަތުވެދާނެ! މައްސަލައަކީ ނިޔަމް. އެ މަންޖެގެ ކިޔެވުން. ކޮންމެ ފަދަ ހާލެއްގައި އުޅެގެން ވެސް، ދެ ދަރީންނަށް ކިޔަވައިދޭން މަ ބޭނުން. އެހެންނޫނަސް އޭލެވެލްއާ ހަމައަށް މާލެއިން މުނިޔާއަށް ކިޔަވައިދީފައި، ނިޔަމްގެ އޯލެވެލް އަހަރު ރަށަށް ބަދަލުވީމަ ކިހިނެއް ވާނީ؟ އެ މަންޖެ ދުވަހަކު ވެސް، މަށަށް މާފެއް ނުކުރާނެކަންނޭނގެ!”

“މުނިޔާގެ ދެމަފިރިންނާ ނިޔަމް ހަވާލުކުރެވިދާނެއެއްނު!”

“ނުވާނެ!” ފައިސަލް ބޯ ހަލުވައިލިއެވެ. “ތި ކަމެއް ނުވާނެ! އޭރުން ގިނަ ވަގުތު ނިޔަމް އިންނާނީ އެކަނިވެފަ. އެ ދެމަފިރިން ދާނީ އޮފީހަށް. އެ އުމުރުގެ ކުއްޖަކު ގޭގައި އެކަނި ގިނަ ވަގުތު ހޭދަކުރާން ވެއްޖިއްޔާ ހެދޭނެ ގޯސް، މަށަށްވުރެ ވަކިން ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ ކަންނޭނގެ!”

“ދެން އޮތް ގޮތަކީ، ފައިސަލްގެ ތި އުޅުން އިސްލާޙުކުރުން. އޭރުން ވަސީމާގެ ޝަކުވާގެ ސިލްސިލާއަށް ނިމުން އަތުވެދާނެ! ތި ކަމަކާހުރެ ހާދަ ފައިސާއެކޭ ތި ބޭކާރުވަނީ.” ޓިޝޫއިން ތުން ފުހެލުމަށްފަހު، ދުފާ ތަބައް ކައިރިކޮށްލަމުން، ފައިސަލްގެ މޫނަށް ސަލީމް ބަލައިލިއެވެ.

ފައިސަލް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އޭނާ ބުނަން ބޭނުންވާ އެތައް އެއްޗެއް، އެ ހިތުގައި ފުނިޖެހިފައި ހުރިކަން އެނގެއެވެ. އެ ހުރިހައި ވާހަކައެއް އޭނާ ހިތުގެ ތެރެއަށް އޮއްބައިލީއެވެ. ބުނަން ހުރި ވާހަކަ ގިނަވުމަކީ، ބައެއް ފަހަރު އެއްވެސް އެއްޗެއް ނުބުނެ، ހަނު އިންނާން މަޖުބޫކުރާ ސަބަބެކެވެ.

ސަލީމަށް ފައިސަލް އެނގެއެވެ. ފައިސަލަށް އުނިވަނީ ކޮންކަމެއްކަން ވެސް އެނގެއެވެ. ސަލީމަށް ވަސީމާ އެނގެއެވެ. ވަސީމާއަށް ދިމާވެގެން އުޅޭ މައްސަލަ ވެސް އެނގެއެވެ. އެ ކަމެެއް ވަސީމާއަށް ދިމާވީ، ނިޔަމް ވިހޭފަހުންނެވެ. ފަރުވާއެެއް ހޯދަން ފައިސަލް އެތައް މަސައްކަތެއްކުރިއެވެ. އެހެންނަމަވެސް ވަސީމާ ބޯ ހަރުކުރީއެވެ. ދުނިޔަވީ ވާޖިބުގެ މައްޗަށް، ލަދުވެތިކަން ހުރަސްއެޅީއެވެ. ނަތީޖާއަކަށްވީ، ފައިސަލްގެ ކަށީގައި އެހެން ކަމެއް އަށަގަތުމެވެ. އެ ކަމުން އޭނާ ސަލާމަތްކުރެވޭތޯ ސަލީމް މަސައްކަތްކުރެއެވެ. ކެތްތެރިކަމުން ވާގި ހޯދުމަށް ނަސޭޙަތްތެރިވެއެވެ.

“އޭތް! މިހެން އިނދެވޭކަށް ވެސް ނެތޭ. މިއަދު އެބަ ޖެހޭ ތުލުސްދޫއަށް ދާން!” ފޯއްތަބައް ފައިސަލާ ދިމާއަށް ޖައްސައިލަމުން ސަލީމް ބުނެލިއެވެ.

“އޮފީސް ދަތުރެއް؟”

“އާނ!”

“ކޮން ދުވަހަކުން އަންނަނީ؟”

“އިންޝާﷲ! މާދަމާ ހެނދުނު. ހިނގާ ޖައްސާލަން!”

“ކިހިނެއް ދާނީ؟ ގެ ހުސްވި ދަނޑިވަޅާ ދިމާކޮށް، ފަހުމީ އޭނާގެ އާއިލާ ގެނެސް ގެއަށް އަޅައިލައިފި.” ފައިސަލްގެ އަޑުގައި ހުރީ ސަމާސާ ރާގެކެވެ. “އެހެންނޫންނަމަ ޖައްސާލަން ރަނގަޅު ދަތުރެއް ތީ. މިއަދަކު މާ ބޮޑު މަސައްކަތެއް ވެސް ނެތިއްޔަ!”

“އެ މީހުން މާލެ އައީ ކޮންކަމަކު؟ ޑޮކްޓަރަށް ދައްކަން؟”

“އާނ! ޑޮކްޓަރަށް ދައްކާލައި، ބާޒާރުކޮށްލައި ހަދައިލާށޯ. ހަފުތާއެއްހައި ދުވަސްވާނެއޭ ފަހުމީ ބުނި. ކިހާއިރަކު ސަލީމް ފުރަނީ؟”

“އެންމެ ލަސްވެގެން ވެސް، ތިނެއް ޖަހާއިރު ފުރަންވާނެ!” ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިން ސާޖިދު އިނީ ފޯނެއްގައެވެ. ފޯނުން އިވެމުން ދިޔައީ މޫސަގެ އަޑެވެ. އެ ދެ މީހުންގެ ދެމެދުގައި ދެކެވެމުން ދިޔައީ، މިއަދުގެ މަސްދަތުރުގެ ވާހަކައެވެ. ދަތުރަށް ތައްޔާރުވުމަށް ޓަކައި ކުރާން ހުރި ކަންކަމުގެ ވާހަކައެވެ. ސާޖިދާ ޖެހިގެން ހުރި ޖޯލީގައި މުނިޔާ އޮތެވެ. އެއް ޖޯލި ދޫކޮށްފައި އޮތީ ނިޔަމްއެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް، ބައިވެެރިއަކަށް އޮތީ ފޯނެކެވެ. ނިޔަމް އޮތީ ހެޑްސެޓް ޖަހައިގެން، ކޮރެއަން ސީރީޒެއް ކަމަށްވާ “ވިންސެންޒޯ”އަށް ގެއްލިފައެވެ.

އެއީ ވަރަށް ހިތްފަސޭހަ ފިނިފިނި ގޯއްޗެކެވެ. ގޯތީގެ އުތުރުކޮޅުގައި ގެ ހުރި އިރު، ގޯތިތެރޭގެ ބޮޑު ބައި އޮތީ، އެކި ކަަހަލަ ބިޔަ ގަސްގަހުން ފުރި ބާރުވެފައެވެ. އަނބާއި ބަނބުކޭލެވެ. ޖަނބުރޯލާއި އަނބުޅައެވެ. މި ނޫން ވެސް ތަފާތު ގަސްގަހެވެ. މެދުއުޑަށް ފައި ހަމަކުރަމުން ދިޔަ އިރުގެ އައްޔާއި ދިލަ ހޫނުގެ އަސަރު، އެ ގޯތިތެރެއަކަށް ނުފޯރައެވެ. ދެ ފަތެއްގެ ހިންމިން ބިމަށް އެޅިލާފައި ހުންނަ ކޮކާ އަވިކޮަޅުކޮޅުން ވެސް ފެންނަނީ އެކަނިވެރިކަމެވެ.

އެ ދުވަހުގެ ތިނެއްޖެހި އިރު، މަހަށްދާ އެންމެން ބަނދަރުމައްޗަށް ޖަމާވެއްޖެއެވެ. ހަ މީހުންނެވެ. މޫސައާއި ނާޒިމެވެ. ޝަކީލާއި މުޖުތަބާއެވެ. ނައުފަލާއި ސާޖިދެވެ. މަސްބޭނުމަށާއި މަސްފިހަން ބޭނުންވާ ތަކެތި ޑިންގީއަށް ހަމަކޮށްގެން، ތިންގަޑިބައި ނުވަނީސް، އެ ކުދީން ނައްޓާލައިފިއެވެ. ޑިންގީ އޮބާލަންދެން ބަނދަރުމަތީގައި މުނިޔާ ހުއްޓެވެ.

ހަވީރު ފަސްގަޑިބައިވީއިރު، ފަނަރަވަރަކަށް މަސް ބޭވިއްޖެއެވެ. ހެޔޮވަރުގެ ތިން ރަތްމަހާއި މެދުމިނުގެ ފިލޮޅަކާއި ހަތް ގިނިމަހާއި ހަތަރު ފާނައެވެ. ދޮޅު ފޫޓު ހުންނަ ވަރުގެ ގިޔޮޅެއް ވެސް އޮތެވެ. މިހައިހިސާބުން މަސްބޭނުން ހުއްޓާލީ، ކުރިއަށް ބާބަކިޔު އޮތީމައެވެ. އެހެންކަމުން ޑިންގީ ނަގައި، ކަނޑެވާރެހާއަށް މިސްރާބުޖަހައިފިއެވެ.

ރަތްވިލާގެ ހިތްފަސޭހަ ދަޅަތަކުން ދުނިޔެ ކުލަޖެހެމުން ދިޔަ އިރު، ކަނޑެވާރެހާގެ އުރަފަށާ ޑިންގީ ކައިރިކުރަމުން ދެއެވެ. ކަނޑެވާރެހާއަކީ ގާމަތީ ރަށަކަށްވިޔަސް، ފުން ވިލަކާ ގުޅިފައި އޮތް ރަށަކަށްވާތީ، އެންމެ ހިކި ދިޔައިގައި ވެސް އެ ރަށަށް ލަފާފުރުމަކީ، ދަތިކަމެއް ނޫނެވެ. އެހެންކަމުން ފަސޭހަކަމާއެކު ރަށުގެ އުރަފަށާ ޑިންގީ ކައިރިކޮށްލައިފިއެވެ.

ކަނޑެވާރެހާއަކީ އުތުރުން ދެކުނަށް ދެމިފައި އޮތް ހަނި ދިގުރަށެކެވެ. ރުއްގަސް ގިނަ ރަށެކެވެ. މި ރަށަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ މީހުންގެ ހިތަށް އުފާވެރިކަން ލިއްބައިދެއެވެ.

“މީ ވަރަށް ރީތި ރަށެއް ދޯ!” ރަށަށް ފޭބުމަށްފަހު، ވަށައިގެން ނަޒަރު ހިންގައިލަމުން ސާޖިދު ބުނެލިއެވެ.

“އަދި މި ރަށުގެ ރީތިކަމެއް ސާޖިދަކަށް ނުފެންނާނެ!” ސާޖިދާ ދިމާއަށް ޝަކީލު ބަލައިލިއެވެ. “ނިކަން ގޮސްބަލަ ރަށުގެ ހުޅަނގު ދެކުނު ފަރާތަށް!”

“އެތާ ކޯޗެއް އޮތީ؟” ސާޖިދު ހިނިގަނޑެއް ޖަހައިލިއެވެ.

“މުނިޔާ ވެސް އޮވެދާނެ!” ސާޖިދާ ދިމާކޮށްލުމުގެ ގޮތުން މޫސަ ބުނެލިއެވެ.

“އާނ! މުނީ އޮތިއްޔާ ވަރަށް ފުރިހަމަ ވާނެ!” އެ މީހުންގެ އެ ސާމާސާގައި ސާޖިދު ވެސް ބައިވެރިވިއެވެ.

“މި ރަށުގެ ރީތިކަން ފެންނާނީ، ދުވާލު މި ރަށަށް އަރައިލީމަ.”

“ދެން ތި ވާހަކަ ބާއްވާފައި ކުރަން އައި ކަންތަކައިގެން އުޅެމާ ހިނގާ! މިހާރު މި އޮތް އިރު އޮއްސެނީ.” މަސްތައް ބާލިދީއަށް އަޅަމުން ނާޒިމު ބުންޏެވެ.

“އިރުމަތީ ފަރާތަށް ދޯ ދާނީ. އެ ދިމާ ރީތިވާނީ.” މޫސަ އެހެން ބުނުމާއެކު، އެންމެން އެ ދިމާއަށް ހިނގައިގަތެވެ.

މި ރަށަކީ ރީތި ރަށެކެވެ. މި ރަށުގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެނީ، ރަށާ ގުޅިފައި އޮންނަ ފުން ވިލާއި ރަށުގެ ހުޅަނގު ދެކުނުފަރާތުގައި، އެއްގަމާ ދިހަ ވަރަކަށް ފޫޓު ފޭގައި އޮތް “ގެނބެރި” އެވެ. ގެނބެރިއާ ދިމާ ހޭޅިފަށުގައި ހުރި ބޯށިގަސްތަކާއި މަގޫގަސްތަކެވެ. އެ ގަސްތަކުގެ މައްޗަށް ކުރި ހޯދާފައިވާ ކުރެދި ގަސްތަކެވެ. ކުރެދި ގަސްތަކުގެ ދިގު އަފިތައް ގެނބެރިއާ ދިމާއަށް ލެނބިލައި، ލޮނުގަނޑުގައި ބޮސްދޭން ތިބޭ މަންޒަރެވެ. މީގެއިތުރުން ގެނބެރިއާ ދިމާއިން އެއްގަމަށް ޖަމާވާ ރީތި ކަށިވެލިގަނޑަކީ ވެސް، މި ސަރަހައްދުގެ ގުދުރަތީ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެއްޗެކެވެ.

ޑިންގީން ފައިބައިގެން ސާޖިދުމެން ގޮސް ބަނޑަހަޖެހީ، ރަށުގެ އިރުމަތީ ފަރާތުގައެވެ. ރަށުގެ އެހެން ދިމަދިމާއާ ޚިލާފަށް މި ފަރާތުގައި ފެތުރިފައި ވަނީ ހުދު ދޮންވެލީގެ ސާލެކެވެ. ފެހިކަން ގަދަ ހޭޅިފަށުގެ ބާރުވެރިންނަކީ މަގުލެވެ. އެހެންނަމަވެސް ކުރެދީގެ އާބާދީ ވެސް ކުޑައެއް ނޫނެވެ.

މި ހިތްގައިމު ސަރަޙައްދު ފެނިފައި، ސާޖިދުގެ ހަނދާނަށް އައީ މުނިޔާއެވެ. އޭނާ ބޭނުންވަނީ، މި ކަހަލަ ރީތި ހުދު ދޮންވެލިގަނޑެއްގެ މަތީގައި، މުނިޔާއާއެކު ވަގުތުތައް ހޭދަކޮށްލާށެވެ. މުނިޔާގެ އުނގުގައި ބޯ އަޅާލައިގެން އޮވެލާށެވެ. މުނިޔާގެ އަތުގައި ހިފާލައިގެން، ރާޅުތަކުގެ މިޔުޒިކާ އެއްވަރަށް، ރާޅުފެނުގައި ހުސްފަޔާ ހިނގައިލާށެވެ. އޭނާ ވަގުތުން ޖީބުގައި އޮތް ފޯނު ނަގައި، މުނިޔާއަށް ގުޅައިލިއެވެ.

“މުނީ މިސްވާވަރުން މި ގުޅާލީ.”

“އަހަރެން ވެސް މި އިންނަނީ ވަރަށް ބޮޑަށް މިސްވެފަ.”

“މުނީއަށް އެނގޭތަ؟ މި ރަށުގެ ބީޗް ހާދަ ރީއްޗޭ! އެއް ދުވަހަކުން ދެ މީހުން މި ރަށަށް އަންނަންވާނެ ދޯ!”

“ތިހެން ބުނީމަ ވަރަށް ދާހިތްވެއްޖެ! މަންމަގާތު އަހައިލާނަން އިނގޭ!”

“އާނ!”

“މިހާރު މަސްފިހަން ފެށީތަ؟”

“މިހާރު މި އުޅެނީ ފަށަން. އެ މީހުން އެބަ ރެޑީކުރޭ! ފަހުން ގުޅާނަން އިނގޭ!”

“އޯކޭ! ވަރަށް ލޯބިވޭ!”

އިރުއޮއްސެމުގެ ވަގުތު ކުޑަތަން ވަނީއެވެ. އަނދިރީގެ ލަޝްކަރު ކަނޑެވާރެހާ ފަތަޙަކުރާން ފަށައިފިއެވެ. އެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި، ދަހަނާ އަޅައިގެން އިސާހިތަކު ހަނދު އަރާނެއެވެ. ހަނދުގެ އަލި ދޯދިތައް ހަނގުރާމަ އިޢުލާނު ކުރާނެއެވެ. އުޑުމަތީގައި އެކި ކުލަކުލައިން ފެވިފައިވާ ވިލާކޮޅުތައް ހުރި ނަމަވެސް، ދުނިޔެ ކުރިމަތިލަމުން އަންނަނީ އުޑުމަތި ސާފު ރެއަކާއެވެ. އެހެންކަމުން ހަނދުގެ ބާރު ދުނިޔެ މައްޗަށް ނުހަނު ފަސޭހަކަމާއެކު ހިންގައިލެވޭނެއެވެ.

އިރު އޮއްސެމުން ދިޔައިރު، ދަތުރުގެ އެންމެހައި ބައިވެރިން އުޅެމުން ދިޔައީ، މަސްފިހުމުގެ މަސައްކަތުގައެވެ. މޫސައާއި ނާޒިމާއި މުޖުތަބާ ތިބީ ގޮނޑުދޮށުގައި މަސްކަނޑާށެވެ. ޝަކީލާއި ނައުފަލާއި ސާޖިދު ތައްޔާރުވަމުން ދިޔައީ ނާށި އެންދުމަށެވެ. މަސްފިހަން ގެނައި ތާނގީ ފަޅި ބަހައްޓާފައި ހުރީ، ހޭޅިއާ މާ ދުރު ނޫން ހިސާބެއްގައެވެ.

އިރު އޮއްސުނުތާ މާ ގިނައިރެއް ނުވެއެވެ. އިރުމަތީ ފަރާތުން ހަނދު ބޯ ދިއްކޮށްލައިފިއެވެ. މަސްފިހުމުގެ މަަސައްކަތުގައި ތިބި މީހުންނާ ދިމާއަށް، ސިއްރުސިއްރުން ބަލައިލައިފިއެވެ. އެއާއެކު ފެނުނީ، ރަށަށް ވެރިވަމުން ދިޔަ އަނދިރީގެ ލަޝްކަރު، ހަނދުގެ ތޫނު ދޯދިތަކުން ކަފައި ކުދިކުރާން ފެށި ތަނެވެ. މާ ގިނައިރެއް ނުވެ، އެ ލަޝްކަރު އެކީއެކައްޗަށް ބަލިކޮށް، ހަނދު، މުޅި ދޭސް ފަތަޙަކޮށްފިއެވެ.

ނާށި އަނގުރުތަކުގެ މަތީގައި ހުރެ، މަސްތައް ފިހެވެމުން ދެއެވެ. ނައުފަލާއި ޝަކީލު ތިބީ، މަސްފިހުމުގެ މަސައްކަތުގައެވެ. ކޮންމެ މީހެއްގެ އަތުގައި، ދެ ފޫޓެއްހައި ދިގު ދަނޑިގަނޑެއް އޮތެވެ. ދޭތެރެއަކުން އަނގުރުތައް ހެޔޮކޮށްލައެވެ. ގިނިގަދަވާން ފެށުމުން ފެންޖަހައިލައެވެ. އިރުއިރުކޮޅުން މަސް ފުށުންޖަހައިލައެވެ. އޭރު ފިހެވެމުން ދިޔަ މަހުގެ މީރު ވަހުން، އެ ހިސާބު ވަނީ އެއްވަސްވެފައެވެ. އެ ވަސްޖެހުމުން އެންމެންގެ ހައިކަން އިތުރުވެއެވެ.

ސާޖިދު އިނީ އެހެން މީހުންނާ ތަންކޮޅެއް ދުރުގައި ހޭޅިފަށުގައެެވެ. އޭނާ އިނީ މުނިޔާއަށް ގުޅައިގެންނެވެ. ދެ ފަހަރަކު މުނިޔާ ގުޅާފައި އޮއްވާ ފެނިގެންނެވެ.

“ދެން ނުވާނެ މާ ގިނައިރެއް!  މިހާރު މަސް ފިހެވެނީ.” ސާޖިދު ބުނި އަޑު އިވުނެވެ.

“އެނގޭތަ ގަޑިންވީ ކިހައި އިރެއްކަން؟” މުނިޔާ އަހައިލިއެވެ.

“ކިހައި އިރެއް؟” އެނގި ހުރެ ސާޖިދު ސުވާލުކޮށްލިއެވެ.

“އަށެއް ޖަހަނީ.”

“އިރާދަކުރެއްވިއްޔާ ނުވައެއްގެ ކުރިން ދެވޭނެހެން ހީވަނީ.”

ކުއްލިއަކަށް ސާޖިދުގެ ފަހަތުން، ހޭޅިތެރޭގައި ހުރި މަގޫ ގަސްތައް ދެ އަތަށް ހެލެލައިފިއެވެ. ހަނދުވަރުގެ އަލިން މަގޫގަަސްތަކުގެ ފަތްތައް ވިދަވިދާ ހުރި ނަމަވެސް، އެއަށްވުރެ ގަދަ އައްޔެއް، އެ ގަސްތަކުގެ ތެރެއިން ކުއްލިއަކަށް ފެނިލައިފިއެވެ. ހަމަ އެންމެ ސިކުންތެއްހައި ކުޑަ ވަގުތުކޮޅަކަށެވެ. އެއާއެކު ސާޖިދުގެ ކަންފަތުގައި ޖެހުނީ، ވައި އަޑުން އޭނާއަށް މީހަކު ގޮވައިލިއަޑެވެ. ކަންފަތްބުޑުންނެވެ.

ސާޖިދަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސްއަވަހަށް އެނބުރި ފަހަތަށް ބަލައިލެވުނެވެ. ހޭޅިއާ ދިމާއަށެވެ. އެއްވެސް ކަހަލަ ތަފާތުކަމެއް، އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ. ދެ ފަރާތަށް ވެސް ބަލައިލެވުނެވެ.

“ސާޖީ!” ސާޖިދު އަނގައިން ނުބުނެ އިރުކޮޅެއް ވުމުން، މުނިޔާ ގޮވައިލިއެވެ. “ސާޖީ!”

“އަ… އާނ! ކީކޭ؟” ފޯނު ކަންފަތުގައި ޖައްސާލަމުން ސާޖިދު ހަމަޖެހިލިއެވެ.

“ކިހިނެއްވީ؟ ހާދަ ހާސްވެފަ…”

“ކަމެއްނުވޭ! އެއްވެސް ކަމެއް ނުވޭ!” ސާޖިދު ހިނިތުންވެލިއެވެ. އެއީ އޭނާއަށް ހީވި ހީވުމެއްކަމަށް ނިންމާފައެވެ.

“ކޮބާ އެހެން މީހުން؟”

“އެބަ ތިބި މަސްފިހާ ތަނުގަ. މަ މި އިނީ މުނީއާ ވާހަކަ ދައްކާލަން، ތަންކޮޅެއް ދުރަށް އައިސް.”

“އެ މީހުން ނޫޅޭނެތަ ލަސްވެގެންނެއް؟”

“އާނ! އަދި މަހެއް ނުފިހެވެޔޭ! މަސް ފިހެވުނީމަތާ ކެވޭނީ.”

“އެނގޭތަ؟ މަންމަ އެބަ އުޅޭ ބައްޕައާ ނުގުޅިގެން.” ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނާ ކަހަލަ ގޮތަކަށް މުނިޔާ ބުނެލިއެވެ.

“އެއީ؟ ކީއްވެ ނުގުޅެންވީ؟”

“ނޭނގެ! ބައްޕަ ފޯނެއް ނުނަގަޔޯ.”

“ނިވާލާފަ؟”

“ނޫން! ރިންގުވޭއޭ މަންމަ ބުނި.”

“އެހެންތަ؟ ކިހިނެއްވީބާ އަނެއްކާ؟”

“ހީވަނީ ހަމަ ގަސްތުގައި ބައްޕަ ނުނަގަނީހެން. ފޯނު ނެގިޔަސް، ބައްޕައަށް އަހަންޖެހޭނީ މަންމަގެ ޝަކުވާގެ އަޑުވިއްޔަ.” މަންމައާއި ބައްޕަގެ ކޯޅުންތައް، މުނިޔާއަށާއި ނިޔަމްއަށް އެނގެއެވެ. އެ ކަމާ އެ ކުދިން އެހައި ހިތްހަމައެއް ވެސް ނުޖެހެއެވެ.

މުނިޔާގެ އެ ވާހަކައަށް އެއްޗެއް ބުނާކަށް ސާޖިދު ބޭނުމެއް ނުވެއެވެ. މަސްލަޙަތަށް ޓަކައެވެ. އެހެންނަމަވެސް އެ ކަމުގައި އޭނާ ގަބޫލުކުރާ ގޮތެއް އޮވެއެވެ. މަންމަގެ ޝަކުވާ ބޮޑީއެވެ. ކުޑަކުޑަކަމެއް ވެސް އިންތިހާއަށް ބޮޑުކޮށްނުލައި، މަންމަ ހިތްހަމައެއް ނުޖެހޭނެއެވެ. ބައްޕަގެ ވެސް މައްސަލަ އެބަ އޮތެވެ. އެކަން ވެސް އޭނާ ޤަބޫލުކުރެއެވެ.

“ސާޖިދޫ….ހޭޅިތެރެއަށް އާދޭ….!”

މުނިޔާ ވާހަކަ ދައްކަދައްކާ ހުއްޓާ، އަނެއްކާ ވެސް ސާޖިދުގެ ކަންފަތުގައި އެއްކަލަ އަޑު ޖެހިއްޖެއެވެ. މި ފަހަރު އެ އަޑު އައީ، ކުރިއަށްވުރެ މާ ބާރަށް މާ ކައިރިންނެވެ. ލިބުނު ސިހުމާއެކު ސާޖިދަށް ފުންމައިގެން ތެދުވެވުނެވެ. އެ ވަގުތު ފޯނު ވެސް ވެއްޓުނެވެ. އެއާއެކު ހޭޅިތެރެއިން ވުސްޖަހާފައި ދެ މީހަކު ނިކުމެއްޖެއެވެ. ޕަކަޕަކަ އަޅާފައި ހެމުންނެވެ. ސާޖިދަށް ދެ ލޯ ބޮޑުކޮށްފައި ބަލައިލެވުނެވެ. ފެނުނީ މޫސައާއި ނާޒިމެވެ. ނާޒިމުގެ އަތުގައި އޮތް ޓޯޗުން، ސާޖިދާ ދިމާއަށް އަލިކޮށްލިއެވެ. ސާޖިދު ހުރީ ވަރަށް ބޮޑަށް ސިހިފައިކަން، އޭނާގެ މޫނުމަތިން އެނގުނެވެ. އެެހެންނަމަވެސް އެއީ ނާޒިމުމެންކަން އެނގުމުން އޭނާގާތަށް އައީ ހިންޏެވެ. ސަމާސާއަށް އެ ކަހަލަ ސަކަރާތް ގަތުމަކީ އޭނާއަށް އައު ކަމެއް ނޫނެވެ.

“މަ ހީކުރީ މާ ގަޓުވެގެން ހޭޅިކައިރީގައި އިނީމަ، ވަރަށް ބިރުކުޑަ މީހެއް ކަމަށް.” ނާޒިމާއި މޫސަ އަދި ވެސް ހެނީއެވެ.

“އެކަމަކު ތި ކަހަލަ ކަންކަން ކުރާކަށް ނުވާނެއެއްނު!” ސާޖިދު ގުދުވެ ފޯނު ނެގިއެވެ. އޭރު މުނިޔާ ގުޅަނީއެވެ. ފޯނު ކެނޑިފައި އޮތުމުންނެވެ.

“މިހާރު ހުންނާނީ މަސް ފިހެވިފަ. އާދޭ ކާން ދާން!” މޫސައާއި ނާޒިމު ހެމުންހެމުން ހިނގައިގަތީ، މަސްފިހާ ދިމާއަށެވެ. ސާޖިދު ވެސް މުނިޔާއާ ވާހަކަ ދައްކަމުން، އެ މީހުންގެ ފަހަތުން ހިނގައިގަތެވެ.

ހަނދުވަރުގެ ރިހި އަލީގައި ތިބެ، ކެއުމުގެ ކަންކަން ނިންމައިލެވުނު އިރު، ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. ތަފާތު އެކިއެކި މަޖާ ވާހަކަތަކުގައި، ހުނުމާއި ސަކާރާތުގައި ތިބެއެވެ. ކެއުމުގެ ފޯރީގައި ތިބި އިރު، ސާޖިދަށް އެންމެ ބޮޑަށް އުނިވީ މުނިޔާއެވެ. މުނިޔާ މި ދަތުުގައި ގެނެވުނު ނަމަ، ހާދަ އުފާވެރި ދަތުރަކަށް ވީހެވެ. އެހެންކަމުން އޭނާ ނިންމީ، ވީ އެންމެ އަވަހަކަށް މުނިޔާ ގޮވައިގެން މި ރަށަށް އަންނާށެވެ.

ކައި ނިމިގެން އެންމެން ފުރަންދާން ތައްޔާރުވަމުންދިޔައެވެ. މަޖުބޫރުވެގެން ސާޖިދު އެއް ފަރާތަކަށް ޖެހިލިއެވެ. ކުޑަ ފެންފުޅިއެއް ހިފައިގެންނެވެ. އޭރު ހަނދު ހުރީ ދަމަކަށްވުރެ މައްޗަށް އަރާފައެވެ.

“ބޯން ގެނައި ފެންފޮދު ހުސްކޮށްނުލައި، މޫދުން ލޮނުފޮދެއް ޖައްސާލިޔަސް ރަނގަޅުވާނޭ!” ނައުފަލް ގޮވައިލިއެވެ.

“މުނީ ދެރަވާނެ!” ސާޖިދު ވެސް ދެރައެއް ނޫނެވެ.

“އާނ! ލޮނު ރަހަ ލައިފިއްޔާ ދެން މަހަކަށް ނުފޮނުވާނެ!” އެންމެން ޕަކަޕަކަ އަޅާފައި ހީނގަތެވެ.

ހަލުއި ހިނގުމެއްގައި ސާޖިދު ގޮސް ގޮނޑުދޮށުގައި އިށީނދެއްޖެއެވެ. އުޑުމަތީގައި ދަތުރުކުރަމުން އައި ބޯ ވިލާގަނޑެއް، ހަނދާ ދުނިޔެއާ ދެމެދަށް ވަދެ ހުރަސްއަޅައިފިއެވެ. އެއާއެކު ހަނދުގެ ރިހި ދޯދިން ފެންވަރަމުން ދިޔަ، ކަނޑެވާރެހާގެ ދިރުން ގެއްލި، ދިއްލިފައިވާ ދޮން ފަސްގަނޑު ނިވިއްޖެއެވެ.

އެ ވަގުތު ކުއްލިއަކަށް ފެނުނީ، ރަށް މަތިން ރަތް އަލިގުޅައެއް،  ސާޖިދު އިން ދިމާއިން ތިރިއަށް އަންނަތަނެވެ. އެ އަލިގުޅަ ވަރަށް ބާރަށް އައިސް، ހޭޅިތެރެއަށް ވެއްޓިއްޖެއެވެ. އެއާއެކު ހީވީ ހޭޅީގައި އަލިފާން ހިފިހެންނެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި ނިވިއްޖެއެވެ. މިއިން އެއްވެސް ކަމެއް ސާޖިދަކަށް، އަދި އެހެން މީހަކަށް ވެސް ފާހަގައެއް ނުކުރެވެއެވެ. މިނިޓެއްހައި އިރު ފަހުން، ސާޖިދު ތެދުވެއްޖެއެވެ. އަތުގައި އޮތް ފެންފުޅިން ތާހިރުވެލައިގެން، އެނބުރި އައި ކޮޅަށް ހިނގައިގެންފިއެވެ. ދަތުރުގެ ބައިވެރިންނާ ދިމާއަށެވެ. ތަންކޮޅަކަށް ދިޔަތަނާ ހަނދުވަރުގެ އަލިން، އަނެއްކާ ވެސް ރަށް އުޖާލާކޮށްލައިފިއެވެ.

ޑިންގީ ބޭލި ތަކެތި ހިފައިގެން، އެންމެން މަޖާ ވާހަކައިގައި ތިބެ، ޑިންގީއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އެކި މީހުން ތިބީ އެކި އެއްޗެހި ހިފައިގެންނެވެ. އެންމެ ކުރީގައި ތިބީ، ޝަކީލާއި ނައުފަލެވެ. މުޖުތަބާއާއި މުސައާއި ނާޒިމު ތިބީ، އެ ދެ މީހުންގެ ފަހަތުގައެވެ. އެންމެ ފަހަތުގައި ހުރީ ސާޖިދެވެ. އޭނާ ފަހަތަށް ޖެހިލީ، މުނިޔާއަށް ގުޅަންވެގެންނެވެ. ފުރަން ދާ ވާހަކަ ބުނާށެވެ. އެ ވާހަކަ ބުނުމުން، މުނިޔާ އުފާވާނޭކަން އެނގޭތީއެވެ.

ފޯނުން ވާހަކަ ދައްކަމުން ދިޔަ ސާޖިދަށްް، އޭނާގެ ފަހަތުން މީހަކު އަންނަކަމުގެ އިހުސާސެއް ކުރެވިއްޖެެއެވެ. އޭނާއަށް ސިހިފައި އަވަސް އަވަހަށް އެނބުރި ފަހަތަށް ބަލައިލެވުނެވެ. ހޭޅިއަށާއި މޫދަށް ވެސް ބަލައިލެވުނެވެ. އެއްވެސް މީހަކު ނެތެވެ. އެއީ އޭނާއަށް ހީވި ހީވުމެއްކަމަށް ނިންމައި، ހަމަޖެހިލައިގެން ކުރިއަށް ދިޔައެވެ.

“ކިހިނެއްވީ؟ އަނެއްކާ ވެސް އެ މީހުން ސަމާސާއެއް ކޮށްލީތަ؟” ސާޖިދުގެ ވާހަކަ އިރުކޮޅަކަށް މެދުކެނޑުމުން، މުނިޔާ އަހައިލިއެވެ.

“ނޫން! އޭތް! މިހާރު ޑިންގީއާ ހަމައަށް މި އާދެވުނީއޭ. ދެން ބާއްވަނީ އިނގޭ! އިރާދަކުރެއްވިއްޔާ ދެން މާ ގިނައިރެއް ނުވެ، ރަށަަށް ދެވިދާނެ!”

ފޯނު ބާއްވާފައި، ސާޖިދު ވެސް އަވަސްވެގަތީ ޑިންގީއަށް އެއްޗެހި އެރުވުމަށެވެ. އެއްޗެހި ހަމަކޮށްގެން ނައްޓާލެވުނުއިރު ދިހައެއް ޖަހަނީއެވެ.

ސާޖިދަށް ގެއަށް ދެވުނުއިރު ދިހަގަޑި ބައިވެއްޖެއެވެ. އޭރު އެކަކު ވެސް ނުނިދައެވެ. ސާޖިދު ނާންނާތީއެއް ނޫނެވެ. ބައްޕައަށް ނުގުޅިގެން މަންމަ ކަންބޮޑުވެފައި އިނީމައެވެ. ސޯފާގައި އިން އިރު މަންމަގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ކަންބޮޑުވުމެވެ.

“ސަލީމްބެއަށް ގުޅާފައި ބުނަންވީނު!” ސާޖިދު އަހައިލިއެވެ.

“ސަލީމްބެ ބުނީ ތުލުސްދޫގަޔޯ މި އުޅެނީ. މާދަމާ ހެނދުުނުޔޯ މާލެއަށް ދެވޭނީ. މަށަށް ހަމަ ހީވަނީ ބައްޕައަށް ނިދިފައި އޮތީހެން.” މުނިޔާ ހުރީ ހަމަޖެހިފައެވެ.

“ޕޮލިހަށް ގުޅާށޭ މަންމަ އެ ކިޔަނީ.” ނިޔަމް ބަލައިލީ ސާޖިދުގެ މޫނަށެވެ.

“އެހައި އަވަހަށް ޕޮލިހަށް ގުޅާނެކަމެއް ނެތް! އަހަންނަށް ވެސް ހީވަނީ ބައްޕައަށް ނިދުނީހެން. ފޯނު ރިންގް އޮފްކޮށްފައި އޮތިއްޔާ، ކިތަންމެ ވަރަކަށް ގުޅިޔަސް ނުހޭލެވޭނެއެއްނު! މާދަމާ ހެދުނާ ހަމައަށް ބަލަމާ ހިނގާ!”

ސާޖިދު އެގޮތް މިގޮތަށް ވާހަކަ ދައްކައިގެން، ކޮންމެވެސް ވަރަކަށް މަންމަ ހަމައަކަށް އެޅިއްޖެއެވެ. މާދަމާއަށް އިންތިޒާރުކުރަމުންނެވެ.

“މަންމަ ކިތަންމެ ޝަކުވާއެއް ކުރިޔަސް، ބައްޕަ ދެކެ ވަރަށް ލޯބި ވެސް ވޭ ދޯ!” ނިދަން އޮވެފައި ސާޖިދު ބުނެލިއެވެ.

“ޝަކުވާގެ އަސްލަކީ ވެސް ލޯބި ކަންނޭނގެ!” މުނިޔާ އޮތީ، ސާޖިދުގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލައެވެ.

“ތީގެ މާނައަކީ ލޯބިވަންޏާ ޝަކުވާ ކުރަންވާނެއޭތަ؟” ސާޖިދު ސަމާސާކޮށްލިއެވެ.

“ޝަކުވާ ނެތް ދިރިއުޅުމެއްގައި، މީރު ވަހެއް ނުހުންނާނެޔޯ! އެއީ ތެދެއްތަ؟” ސާޖިދުގެ ކޮލަށް ދޮނެއް ދެމުން، މުނިޔާ އަހައިލިއެވެ.

“ދޮގެއް އެއީ! އަހަރެމެންގެ ދިރިއުޅުމުގައި ޝަކުވާ އެބަ ހުރިތަ؟”

“ނެތް!” ސާޖިދުގެ ގައިގައި މުނިޔާ ބައްދާލިއެވެ. “އެކަމަކު ކިހާ އުފާވެރި ދޯ!”

“އެސްފިންނާ ޖެހިދާނެ!”

“ދެން ހިނގާ ނިދަން!” ސާޖިދުގެ ދެ އަތް މުނިޔާ ވަށައިލިއެވެ.

“ނިދާށޭ؟” މުނިޔާއަށް އަވަސް އަވަހަށް އަހައިލެވުނެވެ. “ކޮބާ ނިދާ ބޭސް؟” މުނިޔާ ހިނިގަނޑެއް ޖަހައިލިއެވެ. އެއީ ސާޖިދުގާތުން އޭނާ ދަސްކުރާ ބަސްބަހެވެ.

“ނިދާ ބޭސް ދޯ!” ސާޖިދުގެ މޫނު، މުނިޔާގެ މޫނާ ކައިރިކޮށްލިއެވެ. އެ ވަގުތު މުނިޔާގެ ދެ ލޯ މަޑުމަޑުން ގޮސް މެރުނެވެ.

ކުޑަކުޑަ ކޮޓަރިއެކެވެ. ކޮޓަރިތެރެއަށް ވެރިވެފައި ވަނީ ނިދާ ބޮކީގެ ފަނޑު އަލިކަމެކެވެ. އެކަކަށް ނިދޭވަރުގެ ކުޑަ އެނދަކާއި ފޮތި އަލަމާރިއެއް ފިޔަވައި، އެހެން އެއްޗެއް އެ ކޮޓަރިއަކުން ނުފެނެއެވެ. އެނދުގެ ބިތްދޮށުގައި، ފާރުގައި ލެނގިލައިގެން އިނީ ޒުވާން އަންހެން ކުއްޖެކެވެ. ކުރުކުރު ޓޮޕްކޮޅަކާއި ޖީންސެއް ލައިގެންނެވެ. ދަންނަ މޫނެއް  ނޫނެވެ. އެ މޫނުމަތިން ފެންނަނީ ބިރުގެންފައިވާ ކަމުގެ ކުލަވަރެވެ. ދެ ލޯ ހުރި ބޮޑުވެފައެވެ. ކަޅި ހުރީ އެއް ދިމާއަކަށް ހުއްޓިފައެވެ. އިރުކޮޅަކުން ފެނުނީ، ހުސްގަޔާ ހުރި ބިޔަ ފިރިހެނެކެވެ. އެ މީހާގެ މޫނެއް ނުފެނެއެވެ. އެ މީހާ، އެ އަންހެން ކުއްޖާއާ ދިމާއަށް ބަލާން އިރުކޮޅަކު ހުރެފައި ފުންމައިގަތެވެ. ބިޔަ މިނިކާވަގެއް، ކުޑަކުޑަ ފުއްލާއަކާ ދިމާއަށް ފުންމައިގަތް ކަހަލައެވެ. އެ ވަގުތު އަންހެންކުއްޖާ ސިހިފައި، އެނދުން ފުންމާލަން މަސައްކަތްކުރިއެވެ. އޭނާގެ ކިބައިން ސަލާމަތްވާށެވެ. އެހެންނަމަވެސް އެ މީހާ އެއްލިއަތުން، އެ ކުއްޖާގެ އެއް ފައިގައި ހިފުނެވެ. އެއާއެކު އެ ކުއްޖާ އަނގަ ވަތަށް ތަޅުންގަނޑު މައްޗަށް ވެއްޓި ޖެހުނެވެ. އެ ވަގުުތު ކޮޓަރީތެރޭގައި ގުގުމައިގަތީ، އެ ކުއްޖާ ރޮއިގަތް އަޑެވެ.

ލިބުނު ސިހުމާއެކު ސާޖިދަށް ހޭލެވިއްޖެއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. މޫނުމަތީން ދާތައް ފޮހެލަމުން، ފަންކާ ބާރުކޮށްލިއެވެ. ފެނުނު ހުވަފެނާމެދު ވިސްނައިލަން އިރުކޮޅަކު އޭނާއަށް އިނދެވުނެވެ. ގަޑިއަށް ބަލައިލިއިރު ދެ ގަޑި ބައިވަނީއެވެ. އޭރު ދިގުދެމިލައިގެން، ވަރަށް އަރާމުގައި މުނިޔާ ނިދާލައިފައި އޮތެވެ. މުނިޔާއާ ދިމާއަށް އިރުކޮަޅަކު ބަލާން އިނދެފައި، އޭނާ އޮށޯވެ، މުނިޔާގެ ގައިގައި ބައްދާލައި ލޯ މަރައިިލިއެވެ.

ނިދުނުތަނާ އަނެއްކާ ވެސް ސާޖިދަށް ފެނުނީ އެ ހުވަފެނެވެ. ހަމަ އެ ކޮޓަރިއެވެ. އެ ބީރައްޓެހި މޫނެވެ. ފިރިހެނެއްގެ ކިބައިން ސަލާމަތް ނުވެވިގެން ކޮޅުކޮޅަށް ދުވާ އަންހެން ކުއްޖާއެވެ. އެ ކުއްޖާގެ ބޮޑުވެފައިވާ ދެ ލޮލެވެ. ރޫރޫ އަޅަމުންދާ ހަށިގަނޑެވެ. އެ މީހާގެ ފުށުން ލިބުނު އަނިޔާގެ ސަބަބުން އެޅި ވޭނާއެކު ރޮއިގަތް އަޑެވެ.

ފައިސަލަށް ހޭލެވުނީ، ކޮޓަރީގައި މީހަކު ޓަކިޖަހާ އަޑަށެވެ. ބަރުވެފައިވާ އެސްފިޔަތައް ހުޅުވާލަމުން ގަޑިއަށް ބަލައިލިއެވެ. ފަތިހު ފަސްގަޑި ބައިވަނީއެވެ. މަޑުމަޑުން ތެދުވެ، ލޯ އުނގުޅަމުން ގޮސް ދޮރު ހުޅުވާލުމާއެކު ފެނުނީ، ދޮރުމަތީގައި ހުރި ފަހުމީގެ އުފާވެރި މޫނެވެ. އޭނާ ހުރީ އޭނާގެ ދޮޅުއަހަރުގެ ދަރިފުޅު އުރާލައިގެންނެވެ.

“ފަސްގަޑި ބައިވަނީ. އަވަހަށް ނަމާދުކޮށްގެން ކޮފީއެއް ޖަހާލަން ހިނގާބަލަ!” ދަރިފުޅާ ލޯބިކޮށްލަމުން ފަހުމީ ބުންޏެވެ. ދުވަސްތަކަކަށްފަހު އާއިލާއާ ބައްދަލުވުމުން، އޭނާ ހުންނަނީ އުފަލުން ފޮޅިފައެވެ.

ފައިސަލް ޖަހައިލީ، ނުދަންނަ ބީރައްޓެއްސަކަށް ޖަހައިލާ ފަދަ ބޮލެކެވެ. ކޮޓަރީ ދޮރު ލެއްޕީ ކޮފީއަށް ދާހިތް ނެތިއެވެ. އޭނާގެ ބޯ ވަނީ ހަންދަރަކަށް ވެފައެވެ. މޫނުމަތީގައި ޖެހިފައި ވަނީ ނުތަނަވަސްކަމުގެ ލަކެވެ. ފާޚާނާއަށް ވަންނަން ނެގި ފިޔަވަޅު އެނބުރުނީ ފޯނާ ދިމާއަށެވެ. ބަލައިލިއިރު 46 ކޯލް ނުނެގި އޮތެވެ. އޭގެެތެރެއިން 33 ފަހަރު ގުޅާފައި ވަނީ ވަސީމާއެވެ. މުނިޔާއާއި ނިޔަމް ދެތިން ފަހަރަކު ގުޅާފައި އޮތެވެ. ނުދަންނަ ތިން ނަންބަރަކުން ވެސް ގުޅާފައި އޮތެވެ. ފޯނަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ، ފުރަތަމަ ގުޅާނީ ކާކަށް ބާވައޭ ހިތަށް އަރާފައެވެ.

“ކިހނެއް ވެފައި ތި އިނީ؟” މުނިޔާ ވުޟޫކޮށްގެން ނިކުތްއިރު، ސާޖިދު އެނދުމަތީގައި ފާޑަކަށް އިނުމުން މުނިޔާ އަހައިލިއެވެ. “ބަލީތަ؟” މުނިޔާ އައިސް ސާޖިދުގެ ކަރުދޮށުގައި އަތް ޖައްސާލިއެވެ.

“ހުން އައީ ކަމަށްތަ ތި ހީކުރީ؟ މުނީ ފާޚާނާއިން ނިކުންނަންދެން މި އިންނަނީ.”

“މަ މި ހުރީ ވުޟޫކޮށްގެން އިނގޭ!” ހިނިތުންވެލަމުން ސާޖިދު ތެދުވެ، މުނީގެ ގައިގައި ބައްދާލިއެވެ.

“އައްދޭ! ފިރިމީހާ ހަގެއް ކޮށްލައި، މިހެން ޕައްޕިއެއް ދީގެން ވުޟޫއެއް ނުގެއްލޭނެ!” މުނިޔާގެ ކޮލަށް ދޮނެއް ދެމުން ސާޖިދު ހިނިތުންވެލިއެވެ.

ސާޖިދު ބޭނުންވަނީ، ހިތަށް އުފާވެރިކަން ގެންނާށެވެ. ފެނުނު ހުވަފެނުގެ ޚިޔާލުތަކާ ދުރުވާށެވެ. އެ ވާހަކަ މުނިޔާގާތުގައި ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. މުނިޔާގެ މޫނުމަތީގައި ރަނިކަން ކުރަމުން އަންނަ އުފާވެރިކަމަށް ހުރަހެއް އެޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނޫނަސް ހުވަފެނަކީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫނެވެ. އެއީ ބިލާހެކެވެ.

“ލަވް ޔޫ! ވަރަށް ލޯބިވޭ!” ލޯބިވާ ފިރިއަކު ލިބުނީތީ، މުނިޔާ އަބަދުވެސް ހުންނަނީ އުފަލުން ފުރިފައެވެ.

“މުނީ ދެކެ އަހަރެން ލޯބިވާވަރު މުނީއަށް ވަޒަން ވެސް ނުކުރެވޭނެ!”

“ކުރެވޭ.”

“ބުނެބަލަ! ކިހައި ވަރަކަށް؟”

“ނުބުނާނަން!” މުނިޔާ ލާނެތް ގޮތަކަށް ހިނިތުންވެލަމުން ގޮސް، އަލަމާރީގައި އޮތް މުސައްލަ ނެގިއެވެ.

“ހުރެބަލަ ނުބުނެ!” ސާޖިދު ހިނިއައިސްފައި ހުރެ، ފާޚާނާ ދޮރު ހުޅުވާލިއެވެ. “ނުބުނީމަ އަދަބު އޮންނާނެ، އިނގޭ!”

“ތި އަދަބު ވަރަށް ބޭނުން.” މުސައްލަ ފަތުރާލަމުން ހިނިއައިސްފައި ހުރެ، ސާޖިދާ ދިމާއަށް މުނިޔާ ބަލައިލިއެވެ.

“ހެނދުނުގެ ސަޔަށްފަހު.” މުނިޔާއާ ދިމާއަށް އެއް ލޯ މަރައިލަމުން ސާޖިދު ދޮރު ލެއްޕިއެވެ.

ދޮރު ހުޅުވާލައިފައި މުނިޔާ ބަދިގެއަށް ވަންއިރު، ވަސީމާ ހުރީ ފުށް މޮޑޭށެވެ. އެއީ ހަމަ ކޮންމެ ދުވަހެއްގެ ވެސް ވަސީމާގެ އާދައެވެ. ފަތިހު ފަތިހާ ތެދުވާނެއެވެ. ފަތިސް ނަމާދުކޮށްނިމިގެން ބަދިގެއަށް ވަންނާނެއެވެ. މާލޭގައި އުޅޭއިރު ވެސް އެކަން ހިނގަނީ އެ ގޮތަށެވެ. ކިތަންމެ ކުރިން ސްކޫލަށް ކުދިން ގެންދާން ޖެހުނަސް، ސައި ނުދީއެއް ނުފޮނުވާނެއެވެ. އާންމުގޮތެއްގައި ހެނދުނު 7 ޖެހުމުގެ ކުރިން އެ ގޭގައި ސައި ބޮއި ނިމޭނެއެވެ.

“ބައްޕައަށް ގުޅިއްޖެ.” މުނިޔާ ބަދިގެއަށް ވަނުމާއެކު، ވަސީމާ ފުރަތަމަ ވެސް ބުނީ އެ ވާހަކައެވެ. އެހެންނަމަވެސް އުފާވެރިކަމެއް އެ މޫނަކު ނެތެވެ. މުނިޔާއަށް މި ކަން ފާހަގަކުރެވުނުހެނެއް ހިޔެއް ނުވެއެވެ. “މާ ބޮޑަށް ވަރުބަލިވެފައި ހުރުމުން ޖައްސާލިތަނާ ނިދުނީޔޯ!”

“މަށަށް ވެސް ދެންމެ ގުޅި. ތިހެން ބުނީ. ކޮއްކޮއަށް ވެސް ގުޅީމޭ ބުނި.”  މުނިޔާ އައިސް ސައި ތައްޔާރުކުރުމުގެ މަސައްކަތުގައި ބައިވެރިވިއެވެ.

“މަންމައަކަށް އެ ވާހަކަ ގަބޫލެެއް ނުކުރެވޭ.” މުނިޔާއާ ދިމާއަށް ވަސީމާ ބަލައިލިއެވެ.

“އެއީ؟” މަންމަގެ މޫނަށް މުނިޔާ ބަލައިލީ، ސުވާލުގެ ނަޒަރަކުންނެވެ.

“ބައްޕަ އެ ހެދީ ދޮގު. ކިތަންމެ ގަދަ ނިންޖެއްގަ އޮތަސް އެ ވަރަށް ގުޅީމަ ހޭލެވޭނެ!”

މުނިޔާ އަނގައަކުން ނުބުނެއެވެ. މަންމައާއި ބައްޕަގެ ކޯޅުމުގެ ތެރެއަށް ވަންނާން ބޭނުންނުވާތީއެވެ. މުނިޔާ ހީކުރީ ބައްޕައާ ގުޅުނީމާ މަންމަ ހުންނާނީ ހަމަޖެހިފައި ކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. މަންމަގެ ހިތުގައި އުފެދިފައި އޮންނަ ޝައްކުގެ ރާޅު އިތުރަށް ހުޅިލީއެވެ. އެހެންކަމުން މުނިޔާ ބޭނުންވީ، ވާހަކަ ބައްދަލުކޮށްލާށެވެ. މަންމަގެ ވިސްނުން އެހެން ދިމާއަކަށް ފުރޮޅައިލާށެވެ.

“މަންމާ! ކަނޑެވާރެހާއަށް ހާދަ ދާހިތްވޭ! އެއީ ވަރަށް ރީތި ރަށެކޯ ސާޖިދު ބުނީ.”

“އާނ! އެއީ ރީތި ރަށެއް. އެކަމަކު ކީއްކުރަން؟” މުނިޔާއާ ދިމާއަށް ވަސީމާ ބަލައިލިއެވެ.

“ބަލައިލަން!”

“ކޮން ބަޔެއް؟”

“މަށާ ސާޖީއާ ދެ މީހުން. ކޮއްކޮ ދަންޏާ ކޮއްކޮ ވެސް ގޮވައިގެން ދާނީ.”

“މިއަދު؟” ވަސީމާގެ ނަޒަރު އަދިވެސް ހުރީ މުނިޔާއާ ދިމާއަށް ހުއްޓިފައެވެ.

“މާދަމާ. ނޫނީ އަނެއް ދުވަހު.”

“ފަޅު ރަށްރަށަށް އަންހެން ކުދިން ދިޔުމަކީ އެހައި ރައްކާތެރިކަމެއް ނޫން!”

“ކީއްތަ ވާނީ މަންމާ! އެހައި ގިނައިރެއް ނުވާނަމޭ! ސާޖީ ވެސް ހުރީ ވަރަށް ދާހިތުން. އެހެންވެޔޭ!”

ސާޖިދުގެ އުފަލަށް ޓަކައި ކޮންމެ ކަމެއް ކުރާން ވެސް، މުނިޔާ ހުންނާނީ ތައްޔާރަށެވެ. މިހާރު ވެސް އޭނާގެ ފުށުން އެ ފެންނަނީ އެ ކަމެވެ. މަންމަގެ ކުރިމަތީގައި އެ ގޮތަށް ވާހަކަ ދެއްކުމަކީ، އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް ސާޖިދުގެ އުފަލަށް ޓަކައި، އެ ގޮތަށް ވާހަކަ ދެއްކެނީއެވެ. ބޭނުންވަނީ މަންމަގެ ކިބައިން ރުހުމުގެ ބަހެއް ހޯދާށެވެ. މަންމަގެ ނުރުހުމުގައި ދާކަށް އޭނާއަކަށް ނުކެރޭނެއެވެ.

“މަންމަ ނުދާށޭ ބުނެފިއްޔާ؟”

“މަންމާ! އަޅެ އެހެން ނުބުނައްޗޭ! ޕްލީޒް!” މުނިޔާގެ ދެ ލޯ ފެންކަޅިވިތަން ވަސީމާއަށް ފެނުނެވެ.

“ދަރިފުޅު ތި ހުރީ ހާދަ، ދާ ހިތްވެފައޭ ދޯ!”

“އާނ!”  މުނިޔާ އަވަސްއަވަހަށް ބޯ ޖަހައިލިއެވެ.

“އެންމެ ރަނގަޅު! އެކަމަކު އެންމެ ލަސްވެގެން، ތިނެއް ޖެހުމުގެ ކުރިން އަންނަންވާނެ!” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ވަސީމާގެ ރުހުމުގެ ބަސް އިއްވިއެެވެ.

“ކަންބޮޑުނުވޭ މަންމާ! ތިއަށްވުރެ މާ ކުރިން އަންނާނަން!” މުނިޔާގެ އަޑާއެކުވެގެން، އުފާވެރިކަމުގެ ރަނގަބީލެއްގެ އަޑު ގުގުމާލި ކަހަލައެވެ.

“ކަންބޮނޑެ ވެންނެއިކުން ދާ” (ކަންބޮޑުވާނެ ދޯ!) ފުން ނޭވާއެއް ދޫކޮށްލަމުން، ކުރިމަތީގައި ހުރި ސަކީނާގެ މޫނަށް ވަސީމާ ބަލައިލިއެވެ. “އުމުރުން ދެބައިވެގެން، ކޫދު މީހެންނާއި ވީ ވޭލޭއަސް ދިރިއުޅުމަކުން ހަރުދަނާ މުލެކެ ނުއެރުނެމައި” (އުމުރު ދެބައިވެ، ދަރީން މީހުނާ އިންއިރު ވެސް ދިރިއުޅުމަކުން ހަރުދަނާ މުލެއް ނުފޭބިވިއްޔަ!)

ސަކީނާއަކީ ވަސީމާގެ ކުޑައިރުގެ އެކުވެރިއެއް އަދި އަވަށްޓެރިއެކެވެ. ހެނދުނު ސައިބޮއިގެން ނިކުމެ، ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ޖައްސާލައިގެން، ފިކުރެއްގެ ތެރެއަށް ގެނބިފައި ވަސީމާ އޮއްވާ، ސަކީނާ އައިކަން ވެސް އޭނާއަށް އެނގުނީ ސަކީނާ ގޮވައިލާފައި، ހާދަ ކަންބޮޑުވެފައޭ ބުނެލުމުންނެވެ.

“އެއްވިޔަސް މީހަކުނަޓެ ތޭހެއި ކައިކެ ފުރިހަމަ ނުވެންނެއި” (އެއްވެސް މީހަކަށް ހުރިހައި ކަމެއް ފުރިހަމައެއް ނުވާނެ!) ޖެހިގެން ހުރި ޖޯލީގައި ސަކީނާ ޖައްސާލިއެވެ.

“މަ ތިކަމާއި އެއްބަސް ނުވެންނޫ ނުންއޭ” (މަ ތި ކަމަކާ ދެބަހެއް ނުވަމޭ!)

“މި ދުނިޔާއްކޫ މަދެ ދޮހާ ވިއްދެކެ އޮންނާތަނެކެ! ހިތްހަމަ ޖެހީގަން ވޮޅެވިޔަންތޯ ބަލަންތި!” (ދުނިޔެއަކީ ކުޑަކުޑަ ދުވަސްކޮޅެއްގެ ތަނެއް! ހިތްހަމަޖައްސާލައިގެން އުޅެވޭތޯ ބަލާ!) ސަކީނާ އުޅުނީ ވަސީމާއަށް ހިތްވަރުގެ ބަހެއް ބުނެލެވޭތޯއެވެ. “އެއްވިޔަސް މީހަކުނަގެ ތޭހެއި ކައިކެ ފުރިހަމަ ނުވެންނެއި! ގިނަ ކަންތެތި ރަނގަޅެ ފަހޭ، އޭ ރަނގަޅެ މީހަކުން ކަމަޓެ މަ ގަބޫލެ ކެރަންނޫ” (އެއްވެސް މީހެއްގެ ހުރިހައި ކަމެއް ފުރިހަމައެއް ނުވާނެ! ގިނަ ކަންކަން ރަނގަޅުވީމަ، އެއީ ރަނގަޅު މީހެއް. އެއީ އަހަރެން ގަބޫލުކުރާ ގޮތަކީ.)

“ސަކީނާ ތިހެން ބޮނަލެވޭލޭ، ރެއްޖޭއަސް ފައިސަލު ވޮންޑީތަނަކާއި ކޮޅަކަމަކާއި ދެނެވޮޑިގަންނަވަންނައޮ މާތް ﷲ. މަ އެވަރާޓެ ގުޅީ ވޭލޭ ފޯނާސް ނެގޫނުން. އެންމަ ފަހުން އަދެ ހެނދެނޭ ގުޅައިފައި ބޮނޫ ތިންމިހާ ވަރެބަލިވެގަން ގޮހޮ ޖަހޮވައިލީމައި ނިދުންނޫއައޮ. ކެހެނަން ގަބޫލެ ވިޔެންނައޮ؟ ގައޮ ނުޖަހަންނަވެގަން އައި އިކިން ބަހަކަސް ނުކެޔަން.” (ސަކީނާ ތިހެން ތި ބުނަނީ، ރޭ ވެސް ފައިސަލް އުޅުނުތަނެއް ކުރި ކަމެއް، މާތްކަލާނގެ ދެނެވޮޑިގެންވާނީ. ގުޅައިގުޅައި ފޯނެއް ނެގީއެއް ނޫން! އެންމެފަހުން މިއަދު ހެނދުނު ގުޅާފަ އެ ބުނީ، ވަރުބަލިވެެގެން ޖައްސާލިތަނާ ނިދުނީއޭ. ކިހިނެއް ގަބޫލުކުރާނީ؟ ޒުވާބުނުކުރާންވެގެން މަ އަނގައިން ނުބުނީ.)

“އޭ ވެޔަންނެއިކުން ތެދަކަޓަސް!” (އެ ވެދާނެއެއްނު ހަމަ ތެދަކަށް ވެސް.)

“ނުވެންނެއި ތެދަކަޓެ! ކޮންމިޔަސް އަންހެނަކުން ގާތު އޮތެމައި ފޯނާނުނެގޫ” (ނުވާނެ ތެދަކަށް! ކޮންމެވެސް އަންހެނެއްގާތު އޮތީމަ ފޯނު ނުނެގީ.)

“ފައިސަލު އެ އުޅުމެ އަދިޔަސް ބަދަލެ ނުވެއި ދާ؟” (ފައިސަލްގެ އެ އުޅުމަކަށް އަދިވެސް ބަދަލެއް ނާދޭ ދޯ؟)

“ހަތެ ފެނު ކައްކައިފައި ރާހުތަށް ލިޔަސް އޭއްތަކަޓެ ބަދަލެކެ ނުއެންނެއި!” (ހަތްފެނު ކައްކާ ރާހުތުލިޔަސް އެއަކަށް ބަދަލެއް ނާންނާނެ!) ވަސީމާގެ މޫނުމަތިން ފެންނާން ހުރީ ނުރުހުމާއި ފޫއްސެވެ.

“މުނިޔާޓެ ލެބީގޮހޮ އެ ހުއްޓޫ ހާދެހެއި ރަނގަޅެ ފިރިޔެކެޔެ. މުނިޔާއްކޫ ނަސީބާސް ރަނގަޅެ ކުއްދެކެ! އެ ކަހަލައި މީހަކުން މަގެ ނަޖުމާޓަސް ލެބެންނެއި އެއްތެނަކާޔައޮ…” (މުނިޔާއަށް ލިބިފައި އެ ހެރީ ހާދަ ރަނގަޅު ފިރިއެކޭ. އެއީ ފިސާރި ނަސީބު ރަނގަޅު ކުއްޖެއް! އެ ކަހަލަ ފިރިއަކު މަގޭ ނަޖުމާއަށް ވެސް ލިބޭނެ ނަމައޭ…)

ސަކީނާގެ މި ޖުމުލައާއެކު ނުރުހުމުގެ ނަޒަރަކުން އޭނާއާ ދިމާއަށް ވަސީމާ ބަލައިލިއެވެ. އެއްޗެއް ބުނާން އަނގަ ހުޅުވާލައިފައި ވެސް ދިރުވައިލީއެވެ. ދުވަސްވީ ރައްޓެހިކަމަށާއި އަވައްޓެރި ގުޅުމަށް ވިސްނާލައިފައި ތޯއްޗެކެވެ. ސަކީނާއަށް ވަސީމާއާ ދިމާއަށް އެ ވަގުތު ބަލައިލެވުނު ނަމަ، ވަސީމާގެ މޫނުމައްޗަށް ވެރިވި ނުރުހުން ސަކީނާއަށް ފާހަގަ ކުރެވުނީހެވެ.

“ކޮވައި ކަނޭ ދީ މިހިދެ؟” (ކޮބައިތަ ހަގު މަންޖެ މިހާރު؟) ސަކީނާ އަަހައިލިއެވެ.

“ބަވޮޅެއި ގޭ.” (އެބަ އުޅޭ ގޭގަ.) ވަސީމާ އޮތީ ނުފުށަށް މޫނު ލައިގެންނެވެ.

“އޭ އަސް ހާދެހެއި ބޮނަނެ ބަހަ އަހަނެ ކުއްދެކެއޭ ދާ! އެ ދިޔެ ކޭވުމަޓަސް ހުރައި މުޅެއައޮ މީހަކުން ބޮނޫ. ވަސީމާ ކެހެއި ނަޞީބެ ރަނގަޅެ!” (އެއީ ވެސް ހާދަ ބަސްއަހާ ކުއްޖެކޭ ދޯ! އެ މަންޖެ ކިޔެވުމަށް ވެސް ވަރަށް މޮޅޭ މީހަކު ބުނި. ވަސީމާގެ ނަސީބު ކިހައި ރަނގަޅު.)

“ސަކީނާ!” ވަސީމާއަކަށް ކެތެއް ނުކުރެވުނެވެ. “މަގެ ދިރިއުޅުމާސް ހަލާހިކެވޫ މީހަކުނަގެ އެއްސިންނާ ޖެހީގަން. މައްކުއްދުނަޓެ އެއްސިންނާ ޖަހޮވަންނަ ނުވޮނެނެއިތި!” (މަގޭ ދިރިއުޅުން ވެސް ހަލާކުވެފައި މި ހުރީ، މީހެއްގެ އެސްފިންނާ ޖެހިގެން. މަގޭ ދަރީންނަށް އެސްފިންނާ ލާން ނޫޅޭ!)

“ކޮންފަދާކުން ރޫޑި ތި އެރޫ” (ހާދަ ރުޅިއެއް ތި އައީ!) ސަކީނާއަށް މަޑުމަޑުން ބުނެވުނެވެ.

“ހޭނ! މަ ހުރައި ހިންހަމަ ނުޖެހީގެ!” (އާނ! ހަމަ ވަރަށް ހިތްހަމަ ނުޖެހިއްޖެ!) ސަކީނާއާ ދިމާއަށް ވަސީމާ ކަޅިއަޅައިގަތެވެ.

“ތީ ހަމަ ތެދެއްތަ؟ ނޫނީ ސަމާސާއެއް ކުރަނީތަ؟” ފައިސަލާ ދިމާއަށް ސަލީމަށް ބަލައިލެވުނީ، ޤަބޫލު ނުކުރެވިގެން ބަލައިލާ ފަދަ ބަލައިލުމަކުންނެވެ.

“ސަމާސާއެއް ނޫން!” އިސްއުފުލައި ސަލީމްގެ މޫނަށް ފައިސަލް ބަލައިލިއެވެ. އެ ދެ ލޮލުގައި ވިދަމުން ދަނީ ކަރުނައިގެ ތިކިތަކެވެ.

ފައިސަލާއި ސަލީމް ތިބީ، ފައިސަލްގެ ކޮޓަރީގައެވެ. އެއީ އެ ދުވަހުގެ މެންދުރުކުރިއެވެ. ތުލުސްދޫން އައިސް ފެންވަރައި ނުލެވެނީސް، ފައިސަލް ގުޅާފައި ބައްދަލުކޮށްލަން ބޭނުންވެގެން ބުނުމުން ސަލީމް އައީއެވެ. އޭރު ފައިސަލް އޮތީ ކޮޓަރީގައެވެ. އޭނާ މިއަދު މަސައްކަތު ވެސް ނުދެއެވެ.

“ހާދަ އުފާވެއްޖޭ!” އުފާވިވަރުން ސަލީމުގެ ލޮލުން ވެސް ކަރުނަ ހިލުނެވެ.

ފައިސަލް އުޅެމުން އައި ވިޔާނުދާ އުޅުން އޭނާ ދޫކޮށްލީއެވެ. އޭނާ ބޭނުންވަނީ އިސްލާޙުވާށެވެ. ކުރިން ވެސް އުޅުނު ފަދައިން ހެޔޮލަފާ ރަނގަޅު މީހަކަށް ވާށެވެ. ކުރެވިފައިވާ ކުށްތަކަށް ތައުބާވެ، ހެޔޮކަމުގެ ފަތަށް ބަރުކުރާށެވެ. ހެނދުނު ހެނދުނާ ސަލީމަށް ގުޅައިގެން ގެއަށް ގެނެސް، އޭނާ ދައްކަމުން އެ ގެންދަނީ އެ ވާހަކައެވެ. އޭނާ ބުނާގޮތުން އިއްޔެ ސަލީމް ދެއްކި ވާހަކަތަކުން އޭނާގެ ހިތަށް މާ ބޮޑަށް އަސަރުކުރީއެވެ. އޭނާއަށް އުޅެވޭ ވިޔާނުދާ އުޅުމާމެދު މާ ބޮޑަށް ވިސްނާންފެށުނީއެވެ. ދެ ކަފިވެފައިވާ މަގެއްގެ ގޯސް ފަޅިއަށް އެޅި، އެތައް ހިސާބަކަށް ހިނގިއްޖެއެވެ. ވަދެވޭން އޮތް އަނދިރި، ނާމާން، ބިރުވެރި، ޖަންގަލި ވެސް ހިތަށް ފެންނާން ފަށައިފިއެވެ.

ފައިސަލަށް އައި ބަދަލު ފެނިފައި، ސަލީމަށް ލިބުނީ ބުނެދޭން ނޭގޭ ފަދަ ބޮޑު އުފަލެކެވެ. އޭނާއަށް ތެދުވެ ފައިސަލްގެ އަތުގައި ހިފައިލެވުނެވެ. ތި އަޒުމަށް ދުވަހަކު ވެސް ބަދަލެއް ނުގެންނާށޭ ބުނަމުންނެވެ. އެއާއެކު ފައިސަލް ފުންމައިގެން ތެދުވެ، ސަލީމްގެ ގައިގައި ބައްދައިގަތެވެ. ސަލީމްގެ ކޮނޑުމަތި ފޯވަމުން ދިޔައީ ފައިސަލްގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނައިންނެވެ.

“އަޅެ ދެން އެއީ މީހަކު ރޯ ވަރުގެ ކަމެއްތަ؟” މުނިޔާ ގާތަށް އައީ ހިންޏެވެ. އޭރު ނިޔަމް އިނީ މޫނުގައި ދެ އަތް އަޅައިގެންނެވެ. “ސާބަހޭ! އެއީ ދޮންތަ ސަމާސާއަކަށް ބުނި އެއްޗެކޭ! އެހެންނޫނަސް ކޮއްކޮ ނުލައި ދޮންތަބެ ދާނޭހެން ހީވޭތަ؟”

މުނިޔާ ތައްޔާރުވަމުން އައީ، މާދަމާ ކަނޑެވާރެހާއަށް ފުރަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. އެއީ އެ ރޭގެ އިރާކޮޅުގެ ވަގުތެވެ. ސާޖިދު ނިންމާފައި އޮތީ، މާދަމާ ހެނދުނު ސައިބޮއިގެން ލަސްނުކޮށް ފުރާށެވެ. އެހެންކަމުން މުނިޔާ ބޭނުންވީ ދަތުރަށް ގެންދަންވާ ހުރިހައި އެއްޗެއް، އެ ރޭ ތައްޔާރުކޮށްފައި ބަހައްޓާށެވެ.

ޖެހިގެން އައި ދުވަހުގެ ނުވަގަޑި ބައިވިއިރު، ސާޖިދުގެ ދެމަފިރިންނާއި ނިޔަމް ތިބީ ކަނޑެވާރެހާގައެވެ. އެ ރަށުގެ އިރުމަތީފަރާތު ހޭޅިފަށުގެ ހިޔަލުގައި، ހުދު ދޮންވެލިގަނޑުމަތީގައި ޖައްސާލައިގެންނެވެ. ދުވަހުގެ މޫސުން އޮތީ، އެ މީހުންނާ ބައިޢަތުހިފާފައެވެ. ނޫކުލައިގެ ސާފު އުޑުމަތީގައި، ހުދުވިލާކޮޅުކޮޅު މަޑުމަޑުން އޮޔާދެއެވެ. އެ ވިލާކޮޅުތަކާ، ވައިރޯޅި ކުރާ ސަމާސާތަކުގައި، އެ ދެ މަފިރިން ވެސް ބައިވެރިކުރަމުން ގެންދިޔައެވެ.

ސާޖިދުމެން އެ ރަށަށް ބާލާފައި، ޑިންގީ އަނބުރާ ދިޔައީ މަޑަވެއްޔަށެވެ. ގުޅީމާ ބަލާ އަންނަ ގޮތަށެވެ. އެއީ ސާޖިދު ބޭނުންވި ގޮތެވެ. މިނިވަންކަމާއެކު އެ ރަށުގައި ވަގުތުތައް ހޭދަކޮށްލާށެވެ. ލޯބީގެ އެންމެ އުހަށް މުނިޔާ ގޮވައިގެން އަރާށެވެ.

“ހިނގާބަލަ ގެނބެރިއާ ދިމާއަށް ދާން! އެ ވެސް ވަރަށް ރީތި ތަނެކޯ.” މުނިޔާގެ އަތުގައި ހިފައިގެން ސާޖިދު ތެދުވިއެވެ.

“ގެނބެރިއޭ؟” މުނިޔާ ތެދުވެ ފޫމަތިން ވެލި ފޮޅައިލިއެވެ. “މިހާރު ގެނބެރި ވެސް ދަސްކުރީތަ؟ ހާދަ މޮޅުވެއްޖޭ!” ސާޖިދުގެ އަތުގައި މުނިޔާ ބައްދާލިއެވެ.

“އެއީ ކުރީ ދުވަހު ދަސްވި ތަންތަނޭ!” ސާޖިދު ހިނިތުންވެލަމުން ޖީބުގައި އޮތް ފޯނު ނަގައި ސެލްފީ މޯޑަށް ލުމަށްފަހު، މުނިޔާ ގަޔާ ކައިރިކޮށްލިއެވެ.

ތިން ހަތަރު ސެލްފީ ނެގިއިރު ވެސް ނިޔަމްއަށް ތަނެއްދޮރެއް އެނގޭހެނެއް ހިޔެއް ނުވެއެވެ. އޭނާ އިނީ އޭނާގެ ވިންސެންޒޯއާއެކުގައެވެ.

“ނިޔޫ ނުދާނަންތަ؟” ނިޔަމްއަށް ސާޖިދު ކިޔާ ނަމަކީ ނިޔޫއެވެ.

“މި ރަަށަށް ނުގެނެސްގެން ރުއީމަ ދޮންތަ ހީކުރީ، ވަރަށް އަންނަހިތުން ކަމަށް ކޮއްކޮ އުޅުނީ. ތި ސީރީޒްއެއް ބެލުނީހެއްނު ރަށުގައި އިން ނަމަވެސް.”

“ވަރަށް އިންޓްރެސްޓިންނޭ!” އެ މީހުންނާ ދިމާއަށް ބަލައި ވެސް ނުލައި އިނދެ، ނިޔަމް ހިނިތުންވެލަމުން ބުންޏެވެ.

“ކޮއްކޮ ކިތަންމެ ވަރަކަށް ތި ބެލިޔަސް، އެއިން އެންމެ ރަންކޮޅެއް ވެސް ކޮއްކޮއަކަށް ނުލިބޭނެ!”

“ހެވޭ!”

“ދޮންތަމެން މި ދަނީ އެ ކޮޅަށް!”

“އޯކޭ! ނިޔަމް މި ތަނުގައި މަޑުކުރާނަން! ދޮންތަމެން ގޮއްސަ އާދޭ!”

އެއީ އެ ދެ މީހުން ވެސް ބޭނުންވި ގޮތެވެ. ނިޔަމް ހުއްޓާ، ބޭނުންހައި ސަމާސާއެއް އެ ދެމަފިރީންނަކަށް ނުކުރެވޭނެއެވެ. އެހެންކަމުން ލިބުނު މިނިވަންކަމާއެކު ގެނބެރިއާ ދިމާއަށް އެ ދެ މީހުން އަވަސް އަވަހަށް ހިނގައިގަތެވެ.

“އަހަންނަށް ހީވަނީ، ކޮއްކޮއަށް ފޯނެއް ގަނެދިނުމަކީ ބައްޕައަށް ހެދުނު މިސްޓޭކެއް ހެން.”

“މަގޭ ހިތަށް ވެސް މިހާރު ތިހެން އަރައިފި.” ސާޖިދުގެ ޚިޔާލަށް މުނިޔާ ތާއީދުކުރިއެެވެ. “ކިޔެވުމަށް އަސަރުކޮށްފިއްޔާ ބައްޕަ ވެސް ވަރަށް ދެރަވާނެ!”

ތަފާތު އެކި ވާހަކަތަކުގައި ތިބެ، ގެނބެރިއާ ހަމައަށް އެ މީހުންނަށް ދެވިއްޖެއެވެ. އެ ތަނުގައި އޮންނަ ރީތި ކަށިވެލިގަނޑު ފެނުމާއެކު މުނިޔާއަކަށް ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް، ވެލިގަނޑުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ފަހަތުން ސާޖިދު ވެސް އެ ވެލިގަނޑު މައްޗަށް ވެއްޓިގަތެވެ. އެ ތަނުގައި އެ މީހުން ތިބިއިރު، އަރައިގެން އައި އިރުގެ ހޫނު ދޯދިތައް އެ ދެމަފިރީންގެ ގައިގައި ދައިގަތުމުގެ ބަދަލުގައި ފިރުމަމުން ގެންދާ ކަހަލައެވެ. ވެއްޓޭ ވައިރޯޅިފަށް ވެސް އެނބުރި ދަނީ އެ ދެ ހަށިގަނޑުގައި ބޮސްދީފައެވެ.

“ސިއްރެއް ބުނަންތަ؟” ސާޖިދުގެ އަތްމަތީގައި އޮށޯވެ، ލޯ މަރައިލައިގެން އޮތް މުނިޔާގެ މޫނަށް ބަލަން އޮވެފައި ސާޖިދު އަހައިލިއެވެ.

“ހޫނ!”

“ދީ ކަންފަތް!”

ސާޖިދުގެ އަނގައާ މުނިޔާ ކަންފަތް ކައިރިކޮށްލިއެވެ.

“އެނގޭތަ؟ ތިހެން އޮންނައިރު މުނީ ހާދަ ލޯތްބޭ!” ސާޖިދުގެ ވައިއަޑު، ކަންތަފުގެ ތެރެއިން މުނިޔާގެ ސިކުނޑިއާ ހަމައަށް ފޯރުމާއެކު، ހަތަރެސްފައިން ހީބިހިނެގިއެވެ. މުނިޔާއަށް ދެ ލޯ މަރައި ފިއްތާލެވުނެވެ.

“ތީތަ ސިއްރަކީ؟” ސާޖިދުގެ ހަށިގަނޑުގައި މުނިޔާ ބައްދާލީ، ސާޖިދުގެ އެ ފަދަ ތަޢުރީފުތަކުން ލިބޭ އުފާވެރިކަން މި ފަހަރު އަދި މާ ބޮޑަށް ލިބުނުކަމުގެ އިހުސާސް ކުރެވުމުންނެވެ.

“ނޫން! އަދި މި އެއް ނޫން ސިއްރަކީ؟”

“ދެން ބުނެބަލަ! ވަރަށް އަޑުއަހައި ހިތުންނޭ މި އޮތީ.” މުނިޔާ އަނެއްކާ ވެސް ލޯ މަރައިލިއެވެ.

“އެ ސިއްރު ފަހަށް ބާއްވާފައި ފުރަތަމަ ސުވާލެއް ކޮށްލާނީ. އޯކޭ؟”

“އޯކޭ! ސާޖީ ބޭނުުން ސުވާލެއް!”

“ދުވަހެއްގެ ކޮޅުން ވެސް އަހަރެން ދޫކޮށްލާފައި އެެހެން މީހެއްގެ ގާތަށް ހިނގައިދާނަންތަ؟” ސުވާލު ކުރިއިރު ސާޖިދުގެ އަޑުގައި ހުރި ސީރިޔަސްކަން، މުނިޔާއަށް ވަޒަންކުރެވުނު ކަހަލައެވެ.

“ނޫން! ސާޖީ!” މުނިޔާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ކަޅިޖަހައިނުލައި ބަލަން އިނދެވުނީ، ސާޖިދުގެ މޫނަށެވެ. “ތިހެން ހިތަށް ވެސް ނާރުވައްޗޭ!” މުނިޔާގެ ދެ ލޯ ވަގުތުން ފެންކަޅިވިއެވެެ.

“ޑޯންޓް ބީ ސީރިޔަސް! ހަމަ އަހައިލީއޭ.” ސާޖިދު ހިނިތުންވެލިއެވެ. މުނިޔާ ލޯބިވާ މިންވަރު ވަޒަންކުރެވިފައި، ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

“އަހަރެން ސާޖީދެކެ ލޯބިވާވަރު ސާޖީއަށް އިހުސާސް ވެސް ނުކުރެވޭނެ!” ސާޖިދުގެ މޭމަތީގައި މުނިޔާ ބޯ އަޅައިލިއެވެ.

“އަހަރެން ވެސް ވަރަށް ވަރަށް ލޯބިވޭ!” މުނިޔާގެ ގައިގައި ސާޖިދު ބައްދައިލިއެވެ. ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާ ފަދަ ބައްދާލުމަކުންނެވެ.

“ސާޖީ އަހަރެން ދޫކޮށްލާނެ ދުވަހެއް އަތުވެދާނެތަ؟” ލޯ މަރާލައިގެން އޮވެ މުނިޔާ ވެސް ހަމަ އެ ސުވާލުކޮށްލިއެވެ.

“ތީ ދުވަހަކު ވެސް އަލިވިލޭނެ ދުވަހެއް ނޫން!” ސާޖިދުގެ ހިތުގެ ފުނުން ނިކުތް މި ޖުމުލަ މުނިޔާގެ ހިތުގެ އެންމެ ފުނަށް ފޯރިއެވެ. “މުނީގެ ލޯތްބަށް ޓަކައި ނާށިގަނޑު ހިފައިގެން އަހަރެން ހިނގީ ސަބަބެއް އޮތީމަ.”

އެހައިތަނުން އެ ދެމަފިރިންގެ ދެމެދުގައި ލޯބީގެ އާ ބާބެއް ފެށުނު ކަހަލައެވެ. ގުދުރަތުގެ މި ހިތްފަސޭހަ މާހައުލުގައި، ލިބިފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމައަށް އެ ދެމަފިރިން ހިފާންފެށިއެވެ. އޭރު ވެސް ނިޔަމް އިނީ ރަށުގެ އިރުމަތީފަރާތު ހޭޅިކައިރީގައި ވިންސެންޒޯ އަށް ގެއްލިފައެވެ. މި ޗުއްޓީ އޭނާ ހޭދަކުރަމުން ގެންދަނީ ކޮރެޔަން ސީރީޒްގެ ދުނިޔޭގައެވެ. މިއީ އޭނާ އަދި އަލަށް ވަދެގެން އުޅޭ ދުނިޔެއެކެވެ. ގުރޭޑު 9 ގައި ކިޔެވިއިރު އޭނާގެ އަތުގައި ފޯނެއް ނޯވެއެވެ. އެއީ ލިބުނު ނަތީޖާ ރަނގަޅުވުމުން، ބައްޕަ ދިން އިނާމެކެވެ.

ނިޔަމް އިނީ ފިލްމަށް ގެއްލިފައެވެ. އެހެން އިންދާ ކުއްލިއަކަށް އޭނާ ސިހުނީ، ހޭޅިތެރެއިން އޭނާއާ ވަރަށް ކައިރިއަށް އެއްޗެއް ވެޓިޖެހުނު އަޑަށެވެ. ލިބުނު ކުއްލި ސިހުމާއެކު، އޭނާގެ މޭ ތެޅިގަތެވެ. ބިރަކުން ނޫނެވެ. ސިއްސައިގެން ދިޔުމުގެ ސަބަބުންނެވެ. އޭނާއަށް އަވަސް އަވަހަށް އެނބުރި ހޭޅިތެރެއަށް ބަލައިލެވުނެވެ. މަގުލާއި ކުރެދީގެ ވެރިކަން ހިނގަމުން އަންނަ ހޭޅީގެ އެތެރޭގައި ހުރި ދިގު ރުއްތައް، ޖެހޭ ވައިރޯޅިއާ އެއް ހަމައަށް ހަރަކާތްކުރަމުން ގެންދެއެވެ. ވަގުތަކީ އެ ދުވަހުގެ އެގާރަޖަހައި އެހައިކަންހައި އިރު ކަމަށްވިޔަސް، ރުއްގަހުން މަތިބެދިފައިވާ ސަރަޙައްދެއްކަމުން، އެ ދިމާ އޮތީ އެކީއެކައްޗަށް ހިޔާވެފައެވެ.

ނިޔަމް އެނބުރި ފޯނަށް އައީ، އިވުނު އަޑަކީ، އެ ތަނުން ރުކަކުން ވެއްޓުނު އުނބެއް ނުވަތަ ކާއްޓެއް ފަދަ އެއްޗެއްގެ އަޑު ކަމަށް ނިންމާފައެވެ. އެހެންނަމަވެސް އޭނާއަށް ރަނގަޅަށް ހަމަޖެހިލެވޭވަރެއް ނުވިއެވެ. ހޭޅިތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު ކަންފަތުގައި ޖެހިއްޖެއެވެ. ދޮންތަމެން އަންނަނީ ބާވައޭ ހިތައި، އެނބުރި ބަލައިލިއެވެ. އެ ވަގުތު ފެނުނީ، އެ ތަނުގައި ހުރި ދިގު ރުކެއްގެ ނިވަލަށް، މީހަކު ވަންތަނެވެ. ފިރިހެނެކެވެ. ދޮންތަބެ ނޫންކަން އޭނާއަށް ޔަޤީނެވެ.

ނިޔަމް އިނީ ކަޅިޖަހައި ނުލައި އެ ދިމާއަށް ބަލާށެވެ. އެ މީހާ ނިވާވި ރުކާ ދިމާއަށެވެ. އެއީ ކާކުކަން ޔަޤީންކުރާށެވެ. އެ ރުކުގެ ނިވަލުން އެ މީހަކު ނިކުންނާނެ އިރަކަށެވެ. ދެ ތިން މިނެޓުވީ އިރު ވެސް، އެ މީހާއެއް ނުނިކުތެވެ. ރުކުގެ ނިވަލަށް ވަންގޮތަށް ޚަބަރެއް ނުވިއެވެ. އެހެންކަމުން ނިޔަމް ތެދުވިއެެވެ. އޭނާ ގަސްދުކުރީ، އެއީ ކާކުތޯ ބެލުމަށް ޓަކައި، އެ ދިމާއަށް ދާށެވެ. ކޮންމެ ގޮތެއްވިޔަސް އެ ވާނީ ރަށު މީހަކަށެވެ. ދަންނަ މީހަކަށެވެ. އެ ގޮތަށް ސަމާސާކުރާނީ ދަންނަ މީހަކަށް ވީމައެވެ. އެ ވިސްނުމުގައި ހުރެ އޭނާ މަޑުމަޑުން ތެދުވެގެން، ހޭޅިއަށް ވަނުމަށް ޓަކައި ހިނގައިގަތެވެ.

ލަސް ފިޔަވަޅުތަކެއްގައި ގޮސް، ނިޔަމް ހޭޅިއަށް ވަދެއްޖެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، ކުރިމަތީގައި ހުރި ދިގު ރުކާދިމާއަށެވެ. ރުކުގެ ނިވަލުގައި ހުރެ، އޭނާއާ ސަމާސާކުރަނީ ކާކުތޯ ބަލާށެވެ. އޭރު ނިޔަމްގެ ތުންފަތްމަތީގައި ދުވެލަދުވެލައި ހުރީ، ކުލަފަނޑު ހިިތުންވުމެކެވެ.

ލުއިލުއި ފިޔަވަޅުތަކެއްގައި ގޮސް، ރުކާ އަރައި ހަމަވެފައި ނިޔަމް މަޑުކޮށްލިއެވެ. އޭނާ ވިސްނައިލީ ހަދާނޭ ގޮތަކާމެދުގައެވެ. ކާކުހޭ އަހައިލަންވީ ބާވައެވެ؟ ނޫނީ ހަމަ ކުއްލިއަކަށް ރުކުގެ އަނެއްފަރާތަށް ދާންވީ ބާވައެވެ؟ އޭނާއަށް ފެނުނީ ގޮވައިލުމުގެ ބަދަލުގައި، ރުކުގެ އަނެއް ފަރާތަށް ނިކުންނާށެވެ. އެ މީހަކު ރަނގަޅަށް ސިއްސުވައިލާށެވެ.

ނިޔަމް އިރުކޮަޅަކު ހުރެފައި، ކުއްލިއަކަށް ރުކުގެ އަނެއް ފަރާތަށް ނިކުމެއްޖެއެވެ. ތިހެން މަ ބިރުގަންނުވާން ފިލައި ހުންނާނެކަމެއް ނެތޭ ބުނަމުންނެވެ. އެހެންނަމަވެސް ކަން ދިމާވީ ނިޔަމް ހީކުރި ގޮތަކަށް ނޫނެވެ. ރުކުގެ އެ ފަރާތުގައި އެއްވެސް މީހަކު ނެތެވެ. އޭނާއަށް އަވަސް އަވަހަށް އެކި ދިމާއަށް ކަޅި ހިންގައިލެވުނެވެ. އެެހެން ދިމާއަކުން ވެސް މީހެއްގެ ހިލަމެއް ވޭތޯއެވެ. ވަށައިގެން އޮތީ ހޭޅިއެވެ. މަގުލާއި ކުރެއްޖެވެ. މަދުމަދުން ބޯށި ގަސް ވެސް ފެނެވެ.

މި ވީ ގޮތާމެދު ވިސްނައިލާން ނިޔަމް މަޑުކޮށްލިއެވެ. އޭނާގެ ހިތް ބުނީ، އެ މީހަކަށް ނިޔަމް ހޭޅިއަށް ވަންތަން ފެނުނީއެވެ. އެ ދިމާއަށް އައި މަންޒަރު ފެނުނީއެވެ. އެހެންކަމުން ނިޔަމް އަންނަންވާއިރަށް އެ މީހާ ހޭޅިއަށް ވަދެ ފިލީއެވެ.  ނިޔަމް ގަސްތުކުރީ، އެ މީހާ ހޯދަން އުޅުމުގެ ބަދަލުގައި، އެނބުރި އައި ކޮޅަށް ހިނގައިގަންނާށެވެ. އެ މީހަކު ފިލާ އޮންނާނޭހައި އިރަކު އޮވެފައި ނިކުމެދާނެތާއެވެ.

ހޭޅިން ނިކުތުމަށް ޓަކައި، ނިޔަމް ހިނގައިގެންފިއެވެ. ހަމަ އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ، ތަންކޮޅެއް ދުރުގައި ހުރި މަގޫ ގަސްބޮނޑިއެއް މަޑުމަޑުން ހެލިލި މަންޒަރެވެ. އެ މަންޒަރު ފެނުމާއެކު އޭނާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. ކަޅި ޖަހައިނުލައި އެ ދިމާއަށް ބަލަންފެށުނެވެ. މީހެއްގެ ހިޔަނި ނަމަވެސް ފެނޭތޯ މަސައްކަތްކުރާ ކަހަލައެވެ.

“ތީ ކާކުތަ؟” އަޑަށް ބާރުލައިފައި ނިޔަމް ސުވާލުކުރިއެވެ.

އިރުކޮޅަކު ހުރެފައި އެ ގަސްބޮނޑިއާ ދިމާއަށް ނިޔަމް ހިނގައިގަތެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް، އެ ގަސްބޮނޑި ކައިރިއަށް ހުއްޓުމަށްފަހު، ގުދުވެ އެ ގަސްބޮނޑީގެ އަފިތައް ފޭކޮށް، އެތެރެއަށް ބަލައިލިއެވެ. އެކި ދިމަދިމާއަށް ކަޅި ހިންގައިލިއެވެ. ފެނުނީ ހިކިގެން ބިމަށް ފައިބާގައި ހުރި ފަތްތަކާއި ކުނިބުންޏެވެ. ހިކިފައި ހުރި ހޯލިތަކެވެ. ތަފާތު އެއްވެސް މަންޒަރެއް، ދެ ލޯ އޭނާއަކަށް ނުދެއްކިއެވެ.

“މޮޔައެއް އައިސްގެން އުޅެނީ ކަންނޭނގެ.”

ނިޔަމް ތެދުވެ ހިންދެމިލިއެވެ. ވަށައިގެން އެކި ދިމަދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާގެ ކަނާތްފަރާތުގައި ހުރި އެހެން ގަސްބޮނޑި ހެލިލައިފިއެވެ.

“ކާކުތަ މި އުޅެނީ؟ ކޮން ޖެއްސުމެއްތަ ތި ކުރަނީ؟” ނިޔަމްގާތަށް ރުޅިއަންނަގޮތް ވިއެވެ. އެ މީހެއްގެ ސަބަބުން އޭނާ ބަލަމުން ގެންދިޔަ ސިރީޒްއަށް ވެސް ހުރަސްއެޅުނީއެވެ.

މި ފަހަރު ނިޔަމް ހިނގައިގަތީ ވަރަށް ހަލުއި ފިޔަވަޅުތަކެއްގައެވެ. އެ ދިޔަގޮތަށް ގޮސް، އެ ގަސްތަކުގެ ތެރެއަށް ބޯ ދީ، އެތެރެއަށް ބަލައިލިއެވެ. ތަފާތު އެއްވެސްކަމެއް ނެތެވެ. އޭނާ ގުދުވެ އޮވެ ގަސްތަކުގެ ތެރެއިން ދުުރުދުރަށް ނަޒަރު ހިންގައިލިއެވެ. އެ ސަރަޙައްދަށް މިއިން ދުވަހަކު ވެސް، މީހަކު ވަދެފައި ހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ނިޔަމްގެ ހިތުގައި ވަސްވާހުގެ އޮއިވަރެއް ކުއްލިއަކަށް ހިނގައިގެންފިއެވެ. ހަމަ އެ ވަގުތު އޭނާގެ ބުރަކަށިމަތީގައި އެއްޗެއް ޖެހުނުކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އެއާއެކު ބުރަކަށިމަތީގައި ވަކި އެޅިކަހަލަ އިހުސާސެއް ވެސް ކުރެވިއްޖެއެވެ.

ލިބުނު ސިހުމާއެކު ނިޔަމްއަށް ތެޅިގެންފައި، ފުންމައިގެން ތެދުވެވުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު، އެނބުރި ފަހަތަށް ބަލައިލެވުނެވެ. ފެނުނީ އޭނާގެ ބުރަކަށިމަތިން ރަކިސްބޮނޑެއް ފުންމައިލިތަނެވެ. އޭތި ދުވެފައި ގޮސް ގަސްތަކުގެ ތެރެއަށް ވަދެ ރައްކާވެއްޖެއެވެ.

ނިޔަމްއަށް މޭގައި އަތް އަޅައިލެވުނެވެ. ލޯ މަރައިލެވުނީ ހިތަށް ވެރިވި ބިރުވެރި ޚިޔާލުތަކުން ހިތް ސާފުކޮށްލުމަށެވެ. ހައެއްކަ ސިކުންތަށް ލޯ މަރާލައިގެން ހުރެފައި ހޯ ހުޅުވާލެވުނު ވަގުތު، ކުރިމަތީން ފެނުނު މަންޒަރެއްގެ ސަބަބުން އޭނާއަށް ތެޅެގަނެވުނެވެ. ދެ ލޯ ބޮޑުވިއެވެ. ލިބުނު ސުހުމާއެކު ހަޅޭއްލަވައިގަނެވުނެވެ. ބިރުގަތްލެއް ބޮޑުކަމުން ދުއްވައިގެނެވުނީ، ގަސްބޯ ހޭޅިތެރެއަށެވެ.

ސާޖިދާއި މުނިޔާ އަދި ވެސް ތިބީ ގެނބެރި ސަރަޙައްދުގައެވެ. ދެ މީހުން ތިބީ، ހޭޅިކައިރީގައި އޮތް ހިޔާކޮޅުގައި ޖައްސާލައިގެންނެވެ. ސާޖިދު އުޑުތިލަމަތިން އޮށޯވެލައިގެން އޮތްއިރު، މުނިޔާ އޮތީ ސާޖިދުގެ ބަނޑުމަތީގައި ބޯ އަޅާލައިގެން އެއް އަރިއަކަށް ދޮންވެލިގަނޑު މަތީގައި ދިގުދެމިލައިގެންނެވެ. އޭރު މުނިޔާ އަޅައިގެން އުޅުނު ބުރުގާ އޮތީ، ގަހެއްގެ ގޮފިގަނޑުގައި އަޅުވާލައިފައެވެ. އޭނާގެ ދިގު އިސްތަށިގަނޑު، ސާޖިދުގެ މޭމަތީގައި ފަތުރާލައިފައި އޮތެވެ. ދޭތެރެއަކުން އެ އިސްތަށިގަނޑުގައި ސާޖިދު އަތްފުނާ އަޅައިލައެވެ. ކޯތާފަތްމަތީގައި ފިރުމާލައެވެ. އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލައެވެ. މިއިން ކޮންމެ ހަރަކާތަކުން ފެންނަނީ ލޯތްބެވެ، އޯގާވެރިކަމެވެ.

“ސާޖި ހާދަ ސްވީޓޭ! އަބަދުވެސް ތިހެން ލޯބިން އުޅެއްޗޭ!” ސާޖިދުގެ ބަނޑުގައި ފަޅާފައި ހުރި އިސްތަށިކޮޅުގައި ފިރުމައިލަ ފިރުމައިލައި އޮތް މުނިޔާގެ ހިތް އުފަލުން ބަންޑުންވަމުން ދެއެވެ.

“ޝައްކުވަނީތަ؟” މުނިޔާގެ ކޮލުގައި ހިފައިިލަމުން ސާޖިދު ހިނިތުންވެލިއެވެ.

“ތި ކަހަލަ ލޯބި ފިރިއަކު ލިބޭނީ މަދު މީހަކަށް.”

“ތި ކަހަލަ ލޯބި އަނތްބަކު ވެސް ލިބޭނީ ވަރަށް މަދު މީހަކަށް.”

“ސާޖީ!” އިރުކޮަޅަކު އޮވެލާފައި މުނިޔާ ގޮވައިލިއެވެ.

“ކީކޭ؟”

“ބައެއް ފަހަރު އަހަރެން ވަރަށް ބިރު ގަނޭ!”

“ކީއްވެ؟” މުނިޔާގެ އަތްތިލައަށް ސާޖިދު ދޮނެއް ދިނެވެ.

“އެސްފިންނާއަކީ ވެސް ޖެހޭ އެއްޗެއްނު. މީސްމީހުންގެ ހަސަދަ ވެސް…”

“އިރާދަކުރެއްވިއްޔާ ތިއިން އެއްވެސް ބާރަކަށް، އަހަރެމެން ދެ މީހުންގެ ދެމެދަކަށް ނުވަދެވޭނެ!” މުނިޔާގެ ޖުމުލަ މެދުކަނޑައިލަމުން، ސާޖިދު ވާހަކަ ދައްކަންފެށިއެވެ. “އެއަށްވުރެ މި ގުޅުމުގެ ބާރު މާ ގަދަވާނެ! މި ލޯބީގެ އަގު މާ ބޮޑުވާނެ!” ސާޖިދުގެ އަޑުގައި ހުރީ ޔަޤީންކަމެވެ. މުނިޔާއަށް ހިންދިރުވައިލެވުނެވެ.

“އަހަންނަށް އެނގޭ ސާޖީ ދުވަހަކު ވެސް، އަހަންނަށް ދެރަ ގޮތެއް ނަހަދާނެކަން.”

“މުނީ!” ވަރަށް ތަފާތު ގޮތަކަށް ސާޖިދު ގޮވައިލިއެވެ.

“ކީކޭ؟” މުނިޔާއަށް ވެސް އެކަން ފާހަގަކުރެވުނެވެ.

“އަހަރެންގެ ބޮލަށް އެބަ ފާޑެއްގެ ގޮތެއްވޭ!” ނިތްމަތީގައި އަތް ބާއްވައިލަމުން، ސާޖިދު ދެ ލޯ މަރައި ތަގުޅިކޮށްލިއެވެ.

“ކިހިނެއް ވަނީ؟” މުނިޔާއަށް ފުންމައިގެން ތެދުވެވުނެވެ.

“ބޮލުތެރެއިން ދިލަ ނަގަނީ.” ސާޖިދުގެ ބޮލުގައި އަޅަމުންދާ ވޭން، އޭނާގެ އަޑުން ވެސް ފާހަގަވެއެވެ.

“ދިލަ ނަގަނީއޭ؟” މުނިޔާއަށް ސާޖިދުގެ ބޮލުގައި އަތްޖައްސައިލެވުނެވެ.

ކުއްލިއަކަށް ސާޖިދު ތެދުވެ އިށީނދެއްޖެއެވެ. އޭރު ވެސް އޭނާ އިނީ ދެ ލޯ މަރައި ތަގުޅިކޮށްގެންނެވެ. ސާޖިދަށް އައި ބަދަލު ފެނިފައި، މުނިޔާއަށް ސާޖިދުގެ އަތުގައި ހިފެހެއްޓުނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔައެވެ. 

“ސާޖީ! ކިހިނެއް ވަނީ؟”

މުނިޔާގެ އަތް ފޮޅުވާލައިފައި، ސާޖިދު ފުންމައިގެން ކޮޅަށް ތެދުވެއްޖެއެވެ. އޭރު އޭނާ ހުރީ އެއް ކަށްޓަކައި ހަރުދަނޑި އަރާފައި ހުރި ކަހަލަ ގޮތަކަށެވެ. އޭނާ ސިކުންތަކަށް ވެސް މަޑުކޮށްލުމެއް ނެތި، ކުރިއަށް ހިނގައިގެންފިއެވެ. ހޭޅިއާ ދިމާއަށެވެ.

“ސާޖީ!” މުުނިޔާ ވެސް ތެދުވިއެވެ. “ސާޖީ ކޮންތާކަށް ތި ދަނީ؟”

ސާޖިދު އަނގައަކުން  ނުބުނެއެވެ. ބަލައި ވެސް ނުލައެވެ. މުނިޔާ ކުރި ސުވާލު އަޑުއިވުނުހެން ވެސް ހީނުވެއެވެ. އެ ދިޔަ ގޮތަށް ގޮސް ހޭޅިއަށް ވަދެއްޖެއެވެ. މުނިޔާ ބާރުބާރަށް ސާޖިދުގެ ފަހަތުން ހިނގައިގެންފިއެވެ. ސާޖިދަށް ގޮވަމުންނެވެ. އެ ދިޔަގޮަތަށް ގޮސް، ސާޖިދުގެ ފަހަތުން އޭނާ ވެސް ހޭޅިއަށް ވަދެއްޖެއެވެ.

“އޭތް! ސާޖީ! މަޑުކޮށްބަލަ! ކޮންތާކަށް ތި ދަނީ؟” ހަލުއި ފިޔަވަޅުތަކެއްގައި މުނިޔާ ގޮސް، ސާޖިދުގެ އަތުގައި ހިފެހެއްޓިއެވެ. “ސާޖީ!”

މުނިޔާ ހިފެހެއްޓުމާއެކު، ސާޖިދުގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. މުނިޔާއަށް ސާޖިދުގެ މޫނަށް ބަލައިލެވުނެވެ. އޭރު ވެސް އޭނާ ދެ ލޮލެއް ނުހުޅުވައެވެ.

ކުއްލިއަކަށް ސާޖިދުގެ ބޮލުގެ ފުއްކިބައަށް ތަދެއް އަރައިފިއެވެ. ހީވީ ފުއްކިބައިގައި އެއްޗަކުން މީހަކު ޖެހިހެންނެވެ. އައްދޯތްއޭ ބުނަމުން އޭނާއަށް ދެ އަތުން ބޮލުގައި ހިފެހެއްޓުނެވެ. އެވަގުތު އޭނާގެ ބޮލަށް އެނބުރުން އަރައިގަތެވެ. މޫނުމައްޗަށް އަނދިރިވެފައި، އަރިއަޅައިލައިފިއެވެ. މުނިޔާއަކަށް ނުހިފެހެއްޓުނެވެ. ކަނޑައި ވައްޓާލި ރުއްގުޅިއެއް ހެން، އެ ހުރި ތަނަށް ވެއްޓި ޖެހިއްޖެއެވެ.

ހާސްވެ ކަންބޮޑުވިލެއް ބޮޑުކަމުން، މުނިޔާއަށް ރޮއިގަނެވުނެވެ. ހަދާނޭ ގޮތެއް، ކުރާނޭ ކަމެއް ނޭނގި އިރުކޮޅަކު އޭނާއަށް ހުއްޓުން އަރާފައި ހުރެވުނެވެ. އިރުކޮޅަކުން ފެނުނީ އެ ތަނުގައި އިށީނދެ، އެއް އަރިއަކަށް ކަހަލަ ގޮތަކަށް ވެއްޓިފައި އޮތް ސާޖިދަށް ގޮވާންފެށިތަނެވެ.

“ސާޖީ! ސާޖީ! ކިހިނެއް ތި ވީ؟ ސާޖީ! ލޯ ހުޅުވައިލަބަލަ! ސާޖީ!”

މުނިޔާއަށް ރޮވިއްޖެއެވެ. ހާސްވެގެން ގޮސް ދާ ހިއްލަން ފަށައިފިއެވެ. ސާޖިދަށް މި ވީ ކީއް ބާވައެވެ؟ އޭނާއަކީ މި ކަހަލަ ބައްޔެއް ހުންނަ މީހެއް ނޫނެވެ. ކައިވެނިކޮށްގެން މި ވީ ދެތިން ހަތަރު މަހުގެ ތެރޭގައި، މި ކަހަލަ ކަމެއް ދިމާވެފައެއް ނެތެވެ. އެ ފަދަ ނިޝާނެއް ވެސް، އޭނާގެ ކިބައިން ފެނިފައެއް ނެތެވެ.

ކުރާނޭކަމެއް ނޭނގި ގޮތް ހުސްވެފައި އިން މުނިޔާ، ފުންމައިގެން ތެދުވެ، ދުވެފައި ކަހަލަ ގޮތަކަށް ހޭޅިން ނިކުމެއްޖެއެވެ. އެނބުރި އައީ، އެ މީހުން ބޯން ގެނައި ކުޑަ ފެންފުޅި ހިފައިގެންނެވެ. އޭރު ވެސް އެ އޮތްގޮތަށް ސާޖިދު އޮތެވެ. މުނިޔާ އަވަސްއަވަހަށް އައިސް އިށީނދެ، ސާޖިދުގެ ބޯ ނަގައި އޭނާގެ އުނގުގައި ބޭއްވިއެވެ. އެއަށްފަހު ފެންފުޅިން އަތްގޮށްޓަށް ފެންފޮދެއް އަޅައި، ސާޖިދުގެ މޫނުގައި އުނގުޅާންފެށިއެވެ.

“ސާޖީ!” މުނިޔާގެ އަޑު ތުރުތުރުއެޅި ނަމަވެސް، އެ އަޑުގައި ހުރީ ލޯތްބާއި އޯގާވެރިކަމެވެ. “ސާޖީ! ޕްލީޒް! ލޯ ހުޅުވައިލަބަލަ! ސާޖީ! މީ މުނީއޭ! އަޅެ ލޯ ހުޅުވަބަލަ!”

ސާޖިދުގެ ހޭވެރިކަމެއް ނެތެވެ. މުނިޔާއަށް އަނެއްކާ ވެސް ރޮވޭން ފަށައިފިއެވެ. އެހެންނަމަވެސް ސާޖިދު ހޭއަރާތޯ އޭނާ ކުރާ މަަސައްކަތް މެދުކަނޑައެއް ނުލައެވެ. މޫނާއި ބޮލުގައި ފެން އުނގުޅަމުން، ސާޖިދަށް ގޮވަމުން ގެންދިޔައެވެ.

ފަސްވަރަކަށް މިނެޓް ފަހުން، ސާޖިދުގެ ލޮލުގެ އެސްފިޔަތަކަށް ލުއިލުއި ހަރަކާތެއް އަތުވެއްޖެއެވެ. ސާޖިދުގެ މޫނަށް ނަޒަރު ހުއްޓިފައި އިން މުނިޔާއަށް އެ ކަން ފާހަގަކުރެވުނެވެ. އޭނާގެ ހިތާމައިން ފޯވެފައިވާ ހިތުގައި، އެ ވަގުތު އުފާވެރިކަމުގެ ރާގެއް ކުޅެލިހެން ހީވިއެވެ. ލިބުނު ހިތްހަމަޖެހުމާއެކު، ކުރިއަށްވުރެ ބާރަށް، އަވަސް އަވަހަށް ސާޖިދަށް ގޮވާން ފެށުނެވެ.

މުނިޔާގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. އޭނާއަށް އިނދެވުނީ، ކަޅިޖަހައިނުލައި، ސާޖިދާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެހެން އިންދާ މަޑުމަޑުން ސާޖިދު ދެ ލޯ ހުޅުވާލައިފިއެވެ. ސާޖިދު ބަލައިލިތަން ފެނިފައި، މުނިޔާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން، ދެ ލޮލުން ކަރުނަ އޮހިގަތެވެ. ސާޖިދުގެ ގައިގައި އޭނާއަށް ބައްދައިލެވުނީ އިޚުތިޔާރެއް ނެތިއެވެ.

“އަލްހަމްދު ލިﷲ!”

އިރުކޮޅަކު އެހެން އޮވެފައި، މަޑުމަޑުން ސާޖިދު ތެދުވެ އިށީނދެއްޖެއެވެ. އޭނާގެ ބޮލަށް ވީ އުނދަގޫތައް މިހާރު ވަނީ ފިލައިފައެވެ. ލުއިވެއްޖެއެވެ. ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ހުރި ނަމަވެސް، މުޅިން ހަމައަކަށް އެޅިއްޖެއެވެ. އޭރު އޭނާ ވިސްނަމުން ދިޔައީ، އޭނާއަށް މި ވީ ގޮތްތަކާމެދުގައެވެ. ކުއްލިއަކަށް ބޮލުން ނަގައިގަތް ދިލަގަނޑެވެ. ފުއްކިބައަށް އެރި ކުއްލި ތަދެވެ. މޫނުމައްޗަށް އަނދިރިވެގަތް ގޮތެވެ. ވީ ނުވީއެއް ނޭނގި ހޭދަވެގެން ދިޔަ ވަގުތުތަކެވެ.

“ސާޖީ!” ސާޖިދު ހުއްޓުންއަރާފައި އިންނާން ފެށުމުން، މުނިޔާއަށް ގޮވައިލެވުނެވެ. “އަދި ވެސް ބޮލުގައި ރިހެނީތަ؟” ސާޖިދުގެ ބޮލުގައި މުނިޔާ އަތްޖައްސާލިއެވެ.

މުނިޔާ އަތްޖައްސާލުމުން، އެހެންޏާ ނުވާ ކަހަލަ ގޮތްތަކެއް ސާޖިދަށް ވެއްޖެއެވެ. މުނިޔާ އޭނާގެ ގައިގައި ބީހިލުން ކީއްކުރަން ހެއްޔެވެ؟ ޖެހިލިޔަސް އޭނާގެ ހިތަށް ފިނިކަން ލިބެއެވެ. ހަަމަޖެހުން ލިބެއެވެ. ބުނެދޭން ނޭނގޭ ކަހަލަ ފޮނިފޮނި އިހުސާސެއް ކުރެވެއެވެ. އެހެންނަމަވެސް މި ފަހަރު ވީ އެހެނެއް ނޫނެވެ. މުނިޔާގެ އަތް އޭނާގެ ބޯމަތީގައި ބާއްވައިލުމުން، ނަފުސަށް ވީ އުނދަގުލެވެ. މުނިޔާގެ މަޑުމަޑު އަތުގެ ބީހިލުން، ހަށިގަނޑުގައި އުފެއްދީ ތުރާލެވެ. ލޮލުގެ ކުޑަކޮޅުން މުނިޔާއާ ދިމާއަށް ބަލައިލެވުނީ ވެސް އެ ފަދަ ނަޒަރަކުންނެނެވެ.

“މިހާރު ރަނގަޅު!” މުނިޔާގެ އަތުގައި ހިފައި ދުރަށް ޖައްސާލަމުން، މަޑުމަޑުން ސާޖިދު ބުންޏެވެ.

“ދެން ރަށަށް ދާންވީ ކަންނޭނގެ ދޯ!” ސާޖިދަށް ބަދަލެއް އައިކަން މުނިޔާއަށް ފާހަގަކުރެވުނު ހެނެއް ހިޔެއް ނުވެއެވެ.

މުނިޔާއާއި ސާޖިދު ހިނގައިގަތީ ރަށުގެ އިރުމަތީ ފަރާތަށެވެ. ނިޔަމް އިންނާނީ އެ ދިމާގައި ކަމަށްވާތީއެވެ. މުނިޔާ ހުރީ ސާޖިދުގެ އަތުގައި ހިފާލައިގެންނެވެ. ވަރަށް ގާތް، އެހައިމެ ލޯބިކޮށެވެ. އެކަމުގެ ސަބަބުން ސާޖިދަށް އުނދަގޫވި ނަމަވެސް، އެކަމެއް އޭނާ ނުދައްކައެވެ. އޭނާ މަސައްކަތްކުރީ، ކުރިން ވެސް އުޅޭހެން ލޯބިކޮށް އުޅެވޭތޯއެވެ.

“މިހާރު އޯކޭތަ؟” ތަންކޮޅަކަށް ގޮސްފައި މުނިޔާ އަހައިލިއެވެ.

“އާނ!” މުނިޔާއާ ދިމާއަށް ބަލައިލަމުން، ސާޖިދު ހިނިތުންވެލިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގައި، އަސަރެއް ނެތެވެ. ދިރުމެއް އަމުދުން ނެތެވެ.

“ކިހިނެއްބާ އޭރު އެ ވީ؟ އަހަރެންގެ ހިތަށް ވަރަށް ބޮޑަށް އެބަ އުނދަގޫވޭ އަދި ވެސް. އެހެންޏާ ވެސް އެކަހަލަ ގޮތްގޮތް ވޭތަ؟” ސާޖިދަށް ކުއްލިއަކަށް އެ ވީ ގޮތުން، މުނިޔާގެ ހިތް އަދި ވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

“ނޫން! ދުވަހަކު ވެސް ނުވޭ!” ސާޖިދަށް ވެސް އެކަމާ ވިސްނެއެވެ. އޭނާއަށް އެންމެ ބޮޑަށް ވިސްނެނީ، މުނިޔާއާ ގަޔާނުވެވޭހެން ހީވާތީ، އެ ކަމާމެދުގައެވެ. މުނިޔާއަކީ އޭނާގެ ދެ ލޮލުގެ ނޫރެވެ. އެ ދެ ލޮލުގެ ކޮޔެވެ. އެހެންނަމަވެސް މިހާރު އޭނާއަށް މުނިޔާ ފެންނަނީ، ހަމަ އާދައިގެ އަންހެން ކުއްޖެއްގެ ގޮތުގައެވެ.

“އަދިވެސް ހާދަ ގޮތަކަށޭ ތި ހުންނަނީ.” ސާޖިދު ހުންނަ ގޮތުން، މުނިޔާގެ ހިތުގެ ނުތަނަވަސްކަން އަންނަނީ އިތުރުވަމުންނެވެ.

ރަށުގެ އިރުމަތީ ފަރާތުން ހިނގަމުން އައިސް، ނިޔަމް އިން ހިސާބަށް އެ މީހުންނަށް އާދެވިއްޖެއެވެ. އެހެންނަމަވެސް ނިޔަމްއެއް އެ ތާކު ނެތެވެ. މުނިޔާއާއި ސާޖިދުގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ.

“ކޮބާ ކޮއްކޮ؟” މުނިޔާއަށް ބަލައިލެވުނީ ސާޖިދުގެ މޫނަށެވެ.

“އަހަރެމެން އަންނަތަން ފެނިގެން ފިލީކަންނޭގެ!” ސާޖިދު ކުރިއަށް ޖެހިލިއެެވެ. ހޭޅިއާ ދިމާށެވެ. “ނިޔޫ!”

“ކޮއްކޯ! ދެން ސަކަރާތް ޖަހަން ނޫޅެ އަވަހަށް އާދޭ! މާ ބޮޑަށް މިހާރު ލަސްވެއްޖެ!”

ނިޔަމްގެ ޚަބަރެއް ނުވިއެވެ. މުނިޔާގެ ހިތް ވަސްވާހުން ތެމެންފެށިއެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގައި ނިޔަމްގެ ނަންބަރަށް ގުޅިއެވެ. ކަންފަތުގައި ޖައްސާލިއިރު ރިންގުވެއެވެ. ކެނޑުނު އިރު ވެސް ނުއެއް ނެގިއެވެ. އަނެއްކާ ވެސް ގުޅައިފިއެވެ. ސާޖިދު ވެސް ގުޅަންފެށިއެވެ. ހައެއްކަ އަށެއްކަ ފަހަރު ގުޅިއިރު ވެސް، ނިޔަމްގެ ޚަބަރެއް ނުވިއެވެ.

“ކޮންތާކަށް ބާ އެ ދިޔައީ؟”

މުނިޔާއާއި ސާޖިދުގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުމާއި ހާސްކަން އިންތިހާއަށް އެރިއެެވެ. އެކި ދިމަދިމާ ބަލަމުން އެނބުރެމުން ގޮސް، ދެ މީހުންނަށް ވަދެވުނީ ހޭޅިއަށެވެ.

“ރަށަށް ގުޅަންވީ ކަންނޭނގެ! ދޯ!” ހޭޅިތެރެއަށް ވަދެގެން ދިޔަ މުނިޔާގެ ދެ ލޮލަށް، ކަރުނައިގެ އަސަރު ވެރިވަމުން އާދެއެވެ.

“ހަމަޖެހޭ! އިރާދަކުރެއްވިއްޔާ ފެންނާނެ!” ސާޖިދުގެ މޫނުމަތީގައި ވެސް ކުރެހިފައި ހުރީ ނުތަނަވަސްކަމުގެ ރޮނގުތަކެވެ.

ނިޔަމްއަށް ގޮވަމުން، ފޯނަށް ގުޅަމުން، ސާޖިދާއި މުނިޔާ ކަނޑެވާރެހާގެ ވަލުތެރޭގައި ދިހަވަރަކަށް މިނެޓް ހިނގައިފިއެވެ. ނިޔަމްގެ ފިޔަވަޅެއްގެ އަސަރެއްހައި ހިސާބު ވެސް، އެ މީހުންގެ ލޮލުގައި އަޅައެއް ނުގަނެއެވެ. ލިބުނު ހިތާމައެއްގެ ބޮޑުކަމުން، މުނިޔާއަށް ރޮވޭން ފަށައިފިއެވެ. ދެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޭން ފަށައިފިއެވެ. ނިޔަމް ގެއްލިއްޖެ ނަމަ، ނޫނީ ދެރަ ގޮތެއް ވެއްޖެ ނަމަ، މަންމަ ވަރަށް ދެރަވާނެއެވެ. ބައްޕަ މޮޔަވާނެއެވެ. އެއީ ދަރިން ދެކެ އިންތިހާއަށް ލޯބިވާ ބައްޕައެކެވެ. ޚާއްޞަކޮށް ނިޔަމް ދެކެ އާދަޔާޚިލާފަށް ބައްޕަ ލޯބިވާނެއެވެ. ނިޔަމް ގޮވައިގެން މި ރަށަށް އަންނަން އުޅޭކަން އެނގުމުން، ރޭ މުނިޔާއަށް ގުޅާފައި ކޮއްކޮއަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓައްޗޭ ކިޔައިގެން ދެއްކި ވާހަކަތައް، މުނިޔާގެ ކަންފަތުގައި ގުގުމާންފެށިއެެވެ.

ކޮއްކޮ އެކަނި ދޫކޮށްލާފައި ދެވުނީތީ މިހާރު މުނިޔާ ކަންބޮޑުވެއެވެ. މި ކަހަލަ ދެރަ ގޮތެއް ވެދާނޭ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުކުރެއެވެ. ކޮއްކޮއަށް މި ވީ، އަނެއްކާ ކިހިނެއް ބާވައެވެ؟

ވަލުތެރޭގައި ހިނގަމުން، އެކި ދިމަދިމާއަށް ބަލަމުން ގޮސް، ތަންކޮޅެއް ހާމައަށް އޮތް ދިމާއަކަށް ސާޖިދާއި މުނިޔާއަށް ނިކުމެވިއްޖެއެވެ. އެއާއެކު މުނިޔާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ނިޔަމްއެވެ. އޭނާ އިނީ، އުނިގަހެއްގެ ދަށުގައި، ދެ ފައި ދަމާލައިގެން ފޯނުން ސީރީޒް ބަލާށެވެ. ވަރަށް ހަމަޖެހިލައިގެންނެވެ. ޚިޔާލެއް ފިކުރެއް ނެތިއެެވެ. މުނިޔާއަށް ނިޔަމް ފެނުމާއެކު، ކޮއްކޯއޭ ކިޔައިފައި، ނިޔަމްއާ ދިމާއަށް ދުއްވައިގަނެވުނެވެ. ސާޖިދަށް ހުރެވުނީ ވަނުވާ ނޭނގި ހުއްޓުން އަރާފައެވެ.

ދުވެފައި ދިޔަ މުުނިޔާއަށް ތަންކޮޅަކަށް ދެވިނުތަނާ، ހަމަ ކުއްލިއަކަށް ނިޔަމް ގެއްލިއްޖެއެވެ. އެއާއެކު އޭނާގެ ފިޔަވަޅަށް ވަގުތުން ހުއްޓުންއެރިއެވެ. ކުރިއަށް ގޮސްގޮސް ހުއްޓާ، ބިމުގައި ދެ ފައި ތަތްވި ކަހަލައެވެ. އެއާއެކު ދެ ލޯ ބޮޑުކޮށްގެން، އެކި ދިމަދިމާއަށް އޭނާ ބަލަން ފެށިއެވެ. މޮޔައެއް ފަދައިންނެވެ.

ވީ ގޮތް ސާޖިދަށް ދެނެގަނެވިއްޖެއެވެ. ނިޔަމް ފެނުނުހެން މުނިޔާއަށް ހީވީއެވެ. ނޫނީ އޭނާގެ ލޯ އޭނާއަށް ކެހި ދިނީއެވެ. މުނިޔާ އެ ހާލަތަށް ދޫކޮށްލާފައި، މަންޒަރު ބަލާ މީހެއްގެ ގޮތުގައި ހުންނާކަށް ސާޖިދަކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އޭނާ މުނިޔާއާ ދިމާއަށް ހިނގައިގަތެވެ. މުނިޔާގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. އެ ވަގުތު މުނިޔާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ސާޖިދުގެ ކޮނޑުގައި ބޯ ޖަހައިގެން އޮވެ، ކުޑަކުއްޖަކު ފަދައިން އޭނާ ރޯންފެށިއެވެ. އެތެރެހަށީގައި އޮވެ، އޭނާގެ ހިތް ކުދިކުދިވަމުން ދާ ކަހަލައެވެ. މުނިޔާގެ ހާލަތު ފެނިފައި، ސާޖިދުގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. ރަށަށް އެންގުން ނޫން ގޮތެއް ދެނެއް ނެތެވެ. ގަޑިން ބާރަ ޖަހަނީއެވެ. ލަސްކުރި ވަރަކަށް ކަންތައް ގޯހުން ގޯހަށް ހިނގައިދާނެއެވެ.

ހަދާނެގޮތަކާމެދު ސާޖިދު ވިސްނަމުން ދަނިކޮށް، ދޮންތާއޭ ކިޔައި ފަހަތުން މީހަކު ގޮވައިލި އަޑަށް މުނިޔާއާއި ސާޖިދަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލެވުނެވެ. ފެނުނީ އެ މީހުނ ްނާ ދިމާއަށް ދުވެފައި ނިޔަމް އަންނަތަނެވެ. އޭރު އޭނާގެ މޫނުމަތީން ފެންނާން ހުރީ، ސިހުމާއި ބިރުވެރިކަމެވެ.

ނިޔަމް ފެނުމާއެކު، ސާޖިދުގެ ގައިން ދޫކޮށްލާފައި، މުނިޔާއަށް ކުރިއަށް ޖެހިލެވުނެވެ. އޭރު ނިޔަމް އައިސް މުނިޔާއާ އަރައި ހަމަވަނީއެވެ. އޭނާ އައިސް މުނިޔާގެ ގައިގައި އޮޅުލައިގަތެވެ. އޭނާގެ ދަލުން ފޯވެފައިވާ ހަށިގަނޑު ރޯމަހެއް ފަދައެެވެ.

“އަވަހަށް ހިނގާ ރަށަށް ދާން! ދޮންތަބޭ! ޕްލީޒް! އަވަހަށް ހިނގާ ދާން!”

ނިޔަމްއަށް ބުނެވުނީ މިހައި ވަރަށެވެ. އެއާއެކު އޭނާ ފެނުނީ ބިމަށް ތިރިވާ ތަނެވެ. މުނިޔާއަށް ހަޅޭއްލަވައިގަނެވުނެވެ. އެ ވަގުތު ކުރިއަށް ޖެހިލައި، ހުޝިޔާރުކަމާއެކު ނިޔަމްގެ ގައިގައި ސާޖިދު ހިފެހެއްޓިއެވެ.

ސާޖިދުމެން ބަލައި މޫސަ އައި އިރު، ނިޔަމް ހޭ އަރައިފިއެވެ. އެހެންނަމަވެސް ނިޔަމްގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަމަކަށް ލުޔެއް ނުލިބެއެވެ. އޭނާގެ ހިތަށް އެ ސޫރަ އަދިވެސް ފެންނަނީއެވެ. އެއީ ބިރުވެރި ސިފައަކަށް ހުރި އެެއްޗެކެވެ. ވަލުތެރޭގައި މަގުއޮޅި ދޭވޭ ނުދެވޭ ދިމާއެއް ނޭނގި، އެތައް ހިސާބެއްގައި އޭނާއަށް ދުވަންޖެހުނީ ގަތް ބިރެއްގެ ބޮޑުކަމުންނެވެ.

“ތީ ހީވި ގޮތް! މި ރަށަކީ ބިރުވެރި ރަށެއް ނޫން!” ނިޔަމްގެ ވާހަކަ ކިޔައިދިނުމުން، މޫސަ ޖަހައިލީ ހިނިގަނޑެކެވެ. “މީ އަހަރެމެން އޯވަރނައިޓަށް ވެސް އަންނަ ރަށެއް! ދުވަހަކު ވެސް، ހީއަކަށް ވެސް ކަމެއް ދިމާވެފައެއް ނެތް!”

މޫސަގެ ވާހަކަތައް ނިޔަމްއަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ. އޭނާއަށް މަންޒަރު ފެނުނެވެ. ކުރިމަތިންނެވެ. މުނިޔާއަކަށް ވެސް މޫސަގެ ވާހަކައަކާ އެއްބަހެއް ނުވެވުނެވެ. ސާޖިދަށް ވެސް ވީ އާދައިގެ ގޮތްތަކެއް ނޫނެވެ.

ސާޖިދުމެންނަށް ރަށަށް ލެފުނުއިރު، މެންދުރުން އަނބުރައި އެކެއް ޖަހައި ބޮޑުވެއްޖެއެވެ. މަންމަ އިންނާނީ މިހާރު ލަސްވެފައި ކަންނޭނގެއެވެ. އެހެންކަމުން އެ މީހުން އަވަސް އަވަހަށް ގެއާދިމާއަށް މިސްރާބުޖެހިއެވެ. ގެއަށް ވަންއިރު، ވަސީމާ އިނީ ސޯފާގައެވެ. ކަމަކާ ވަރަށް ކަންބޮޑުވެ، ހާސްވެފައި އިންހެން ހީވެއެވެ.

“މަންމާ! ކިހިނެއްވެފައި ތި އިނީ؟” ވަސީމާ އިން ގޮތް ފެނިފައި، މުނިޔާއަށް އަވަސް އަވަހަށް އަހައިލެވުނެވެ. މިއަދު ވެސް ބައްޕައާ ދެ މީހުން “ފައިޓެއް” ދުއްވާލީ ބާވައެވެ؟

“ދަރިފުޅާ!” މުނިޔާއާ ދިމާއަށް ވަސީމާއަށް ބަލައިލެވުނީ، ފެންކަޅިވެފައިވާ ދެ ލޮލުންނެވެ. “ވަރަށް ދެރަ ގޮތެއް ދިމާވެއްޖެ!”

“ކިހިނެއްވީ މަންމާ!” މުނިޔާ ގޮސް ވަސީމާގެ ގާތުގައި އިށީނދެ، ދެ ކޮނޑުގައި ހިފަހައްޓައިލިއެވެ.

“ސަލީމްބެ…”

“ސަލީމްބެ ކިހިނެއްވީ؟” މުނިޔާގެ ހިތް ތެޅިގަތެވެ. ދެ ލޯ ބޮޑުވިއެވެ. އެހެންކަމުން އަޑު ވެސް ނިކުތީ ތަންކޮޅެއް ބާރަށެވެ. ސަލީމަކީ ބައްޕަގެ އެކުވެރިއެއް ކަމަކު، އާއިލާގެ މެންބަރެއް ފަދަ ހެޔޮ މީހެކެވެ. މުނިޔާއާއި ނިޔަމް، ސަލީމް ދެކެ ވަރަށް ލޯބިވެއެވެ.

“ސަލީމްބެ ހައްޔަރުކޮށްފި!” ވަސީމާއަށް ރޮވުނެވެ.

“ހައްޔަރުކުރީއޭ؟ ކީއްވެ؟ ސަލީމްބެ ކޮން ކުށެއް ކުރީ؟” މުނިޔާގެ ދެ ލޮލުން ވެސް ކަރުނަ އޮހިގަތެވެ.

“ކީއްވެ ސަލީމްބެ ހައްޔަރުުކުރީ؟ ސަލީމްބެ ގޯސްކަމެއް ނުކުރާނެ!” ނިޔަމްއަށް ވެސް ރޮވުނެވެ.

ވަސީމާ އިސް އޮބައިލީ ބުނަން ނުކެރިގެން، ނުވަތަ ބޭނުން ނުވެގެން އިސް އޮބާލި ކަހަލަ ގޮތަކަށެވެ. އެއާއެކު އޭނާގެ ދެ ލޮލުން، ދެ ކަރުނަ ތިކި، އޭނާގެ އުނގަށް ފުންމާލައިފިއެވެ. ބަލަބަލާ ތިއްބާ ލައިންގެން އިން ހައުސް ކޯޓްގެ ތެރޭގައި އެ ދެ ކަރުނަތިކި ބޮނދައިފިއެވެ. އެއާއެކު ވަސީމާއަށް ރޮވިއްޖެއެވެ. ވަސީމާ ކަންބޮޑުވަނީ ސަލީމު ހައްޔަރުކުރުމުން އެކަންޏެއް ނޫނެވެ. ސަލީމާއި ފައިސަލަކީ ވަރަށް ގާތް ދެ މީހުންެނެވެ. ސަލީމު ކުރި ކުށުގައި، ފައިސަލްގެ އަތެއް އޮވެދާނެތީ، އޭނާ މާ ކަންބޮޑުވެއެވެ.

ވެގެން އުޅެނީ ކީއްކަން ނޭނގުނަސް، މި ލައިގަތީ، ލާހިކު ކަމަކާ ނޫންކަން މުނިޔާއަށް ކަށަވަރެވެ. އެހެންނަމަވެސް މަންމަ ގާތުގައި އިތުރަށް އަހާކަށް އޭނާއަކަށް ނުކެރުނެވެ. ފެންކަޅިވެފައިވާ ދެ ލޮލުން، މަންމައާ ދިމާއަށް ބަލާން ހުރި ނިޔަމް ވެސް ހުރީ، ސުވާލެއް ކުރަން ނުކެރިފައެވެ. މި މަންޒަރު ފެންނަ ފަށުގައި ސާޖިދު ހުރެފައި، އަނގައިން ވެސް ނުބުނެ، ގޮސް ވަނީ ކޮޓަރިއަށެވެ.

ހަދާނޭ ގޮތަކާމެދު އިރުކޮަޅަކު ވިސްނައިލާން އިނދެފައި މުނިޔާ ތެދުވިއެވެ. މަންމަ ގާތުގައި އިށީންނަން ނިޔަމްއަށް ލޮލުން އިޝާރާތްކޮށްލާފައެވެ. އެއަށްފަހު ދަބަސް ނަގައިގެން، މުނިޔާ ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު ސާޖިދު އުޅެނީ ފާޚާނާގައެވެ. މުނިޔާ އެނދުމަތީގައި އިށީނދެ، ފުން ނޭވާއެއް ދޫކޮށްލިއެވެ. ޖީބުގައި އޮތް ފޯނު ނެގީ، ބައްޕައަށް ގުޅާށެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރަން އޭނާ ކޮންމެހެން ވެސް ބޭނުުމެވެ. ސަލީމްބެއަށް ކަމެއް ދިމާވުމަކީ، އާއިލާގެ އެންމެ ގާތް މެންބަރަކަށް ކަމެއް ދިމާވުން ފަދަ ހިތާމަހުރި ކަމެކެވެ.

ފައިސަލްގެ ނަންބަރަށް މުނިޔާ ގުޅިއެވެ. ކަންފަތުގައި ފޯނު ޖައްސައިގެން އިނީ، ނަގާނޭ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންއިރު މުނިޔާގެ ހިތް ތެޅެއެވެ. ބައްޕަގެ ފަރާތުން ލިބޭނީ ކޮން ކަހަލަ ޖަވާބެއް ބާވައެވެ؟ ހިިތުގައި އުފެދިފައިވާ އެންމެ ބޮޑު ނުތަނަވަސް ކަމަކީ އެއީއެވެ. ކަނޑެވާރެހާއިން ކުރިމަތިވި ކަންތައްތަކުގެ ނުތަނަވަސްކަން ވެސް، ހިތުގެ ވަކި ހިސާބެއްގައި ވަކި ހިއްޕާފައި އޮތެވެ.

ފޯނު ކެނޑުނު އިރު ވެސް، ފައިސަލް ފޯނެއް ނުނެގިއެވެ. މުނިޔާ ދެވަނަ ފަހަރަށް ގުޅިއެވެ. ތިން ހަތަރު ރިންގުވި ތަނާ، ފައިސަލް ފޯނު ނަގައިފިއެވެ.

“ބައްޕާ!” ފައިސަލް ފޯނު ނެގުމާއެކު، މުނިޔާއަށް ގޮވައިލެވުނެވެ. ބައްޕަ ހުރީ ހަމައަކަށް އެޅިފައިތޯ ޔަޤީންކޮށްލަން ގޮވާލި ގޮވާލުމެއް ކަހަލައެވެ.

ފައިސަލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ދެވަނަ ފަހަރަށް ވެސް މުނިޔާއަށް ގޮވައިލާން ޖެހުނީ އެހެންވެއެވެ. ތިންވަނަ ފަހަރަށް ގޮވައިލުމުން، ހޫން އަޅުވައިލި އަޑު ކަންފަތުގައި ޖެހުނެވެ. ބައްޕަގެ ހާލަތު އެހައި ރަނގަޅު ނޫންކަން މުނިޔާއަށް ކަށަވަރުވިއެވެ.

“ބައްޕަ ކޮންތާކު ތި ހުރީ؟” މުނިޔާގެ ހިތުގެ ނުތަނަވަސްކަން ވަކިން ބޮޑުވިއެވެ. ބައްޕަ އެކަނިމައި އެކަނި މާލޭގައި ހުއްޓާ، އެ ފަދަ ހިތްދަތިކަމެއް ސަލީމްބެއަށް ދިމާވުމުން، ބައްޕަގެ ހިތަށް ކުރާނޭ އަސަރު މުނިޔާއަށް ވަޒަންކުރެވެއެވެ.

“ގޭގަ.” ފައިސަލްގެ އަޑު އައީ ކެނޑެމުންނެވެ.

“އެކަނި؟”

“ހޫނ!” ފަހުމީގެ އާއިލާ ރަށަށް ފުރީ ރޭގައެވެ.

“ސަލީމްބެއަށް ކިހިނެއްތަ ވީ؟” ކުރަން ނުކުރަން އިނދެފައި އެންމެފަހުން މުނިޔާ ސުވާލު ކޮށްލިއެވެ.

“ދަރިފުޅާ!” މުނިޔާގެ ކަންފަތުގައި ޖެހުނީ، ފައިސަލްގެ ވޭނުން ފުރިފައިވާ ހިތްދަތި އަޑެވެ.

“ބައްޕާ! ބުނެބަލަ! ސަލީމްބެ ކީއްވެތަ ހައްޔަރުކުރީ؟” މި ފަހަރު މުނިޔާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“ދަރިފުޅާ! ސަލީމްބެ…. ސަލީމްބެ…” ފައިސަލަށް ވާހަކަ ދައްކާކަށް ފަސޭހައެއް ނޫނެވެ. “ސަލީމްބެ…. އެ ކަހަލަ ކަމެއް…. ނުކުރާނެ!” ބައްޕަގެ ގިސްލުމުގެ އަޑާއެކުވެގެން ނިކުތް ޖުމުލަ، މުނިިޔާގެ ކަންފަތާ ހަމައަށް އައީ ބުރިބުރިވަމުންނެވެ.

“ކޮންކަމެެއްތަ ބައްޕާ!” ބައްޕަގެ ރުއިމުގެ އަޑުގެ ސަބަބުން، މުނިޔާއަށް ވެސް ރޮވޭގޮތް ވެއްޖެއެވެ. “އަހަންނަކަށް އެކެއްޗެއް ވެސް ނުވިސްނެއޭ! އަހަރެން ވަރަށް ބިރުގަނޭ އެބަ.” މުނިޔާގެ ހިތް ތެޅެމުން ދަނީ އޮބިނޯންނަ މިންވަރަށެވެ.

ސާޖިދު ފާޚާނާއިން ނުކުތްއިރު މުނިޔާއަށް އިނީ ރޮވިފައެވެ. ފޯނު ކަންފަތުގައި ޖައްސައިގެން އިނީ، ބައްޕަ އެއްޗެއް ކިޔާތީއެއް ނޫނެވެ. ބައްޕަ އެއްޗެއް ބުނެފާނޭ ކަމަށެވެ.

ފާޚާނާ ދޮރުމަތީގައި މުނިޔާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި، ސާޖިދު ހިނގައިގަތީ އެނދާ ދިމާއަށެވެ. މުނިޔާގެ ހާލަތާމެދު އޭނާގެ ހިތުގައި ހަމްދަރުދީގެ މާ ބޮޑު އަސަރެއް ހުރި ހެނެއް ހިޔެއް ނުވެއެވެ. އޭނާ އާދައިގެ ގޮތަކަށް ހިނގާލައިފައި އައިސް، މުނިޔާއާ ފޫޓެއްހައި ދުރުގައި އިށީނނީ، ޖީބުން ފޯނު ނަގަމުންނެވެ.

ސާޖިދުގެ ކިބައިން ފެނުނު މި ސިފަތަައް، މުނިޔާއަށް ފާހަގައެއް ނުކުރެވެއެވެ. އޭނާގެ ސިކުނޑީގެ ހައިޖާނު އެއަށްވުރެ ބޮޑެވެ. އެހެންކަމަކާ ފިކުރު ހިންގާނެ ޖާގައެއް، އެ ސިކުނޑީގައި މި ވަގުތު ނެތް ކަހަލައެވެ.

“ވެގެން އުޅޭ ގޮތެއް އަދިވެސް ނޭނގޭ. ބައްޕަ ވެސް ރޮނީ.” ސާޖިދާ ދިމާއަށް ބަލައިލަމުން، ފޯނުގެ މައިކް މަތީގައި އަތް އަޅާފައި، ކުރެހިފައިވާ އަޑަކުން މުނިޔާ ބުނެލިއެވެ. ސާޖިދުގެ ގާތަށް ޖެހިލަމުންނެވެ. ސާޖިދުގެ ގައިގައި ޖެހިލައިގެން އިނުމަކީ، އޭނާގެ އާދައެކެވެ. ހިތަށް ފިނކަން ލިބޭކަމެކެވެ. ސާޖިދު ވެސް ނުހަނު އުފާވާ ކަމެކެވެ. މި ފަދަ ނުތަނަވަސް ދަނޑިވަޅެއްގައި ވެސް، އެ ކަމުން އޭނާގެ ހިތަށް ލުޔެއް ލިބުނުކަމުގެ އިހުސާސް ކުރެވުނެވެ.

“ބައްޕާ!” ފައިސަލްގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން މުނިޔާ ގޮވައިލިއެވެ. “ބައްޕަ އެއްޗެއް ކައިގެންތަ ތި އުޅެނީ؟”

ފައިސަލްގެ ފަރާތުން ޖަވާބެއް ނުލިބި އުޅެނިކޮށް، މުނިޔާގެ އަތުގައި ސާޖިދު ކޮއްޓާލައިފިއެވެ. މުނިޔާ ބަލައިލިއެވެ. އެ ވަގުތު ފޯނުން ސާޖިދު ދައްކައިލީ “ބްރޭކިންގ ނިއުސް” އެކެވެ.

“މަރާލައިފައި އޮތް އަންހެން ކުއްޖަކު ކޮޓަރިއަކުން ފެނިގެން މީހަކު ހައްޔަރު ކޮށްފި.”

ޚަބަރުގެ ސުރުޚީގެ ތިރީގައި ޖަހާފައި ހުރީ ސަލީމްގެ ފޮޓޯއެކެވެ. މުނިޔާގެ ދެ ލޯ ބޮޑުވިއެވެ. ކަންފަތުން ފޯނު ނެއްޓުނެވެ. ނަޒަރު ހުއްޓިފައި ހުރީ ސާޖިދުގެ ފޯނަށެވެ. އެ ފޯނުން ފެންނާން ހުރި ފޮޓޯއަށެވެ. އެ ފޮޓޯއިން ފެންނަ މައުޞޫމު މޫނަށެވެ.

މި ބިރުވެރި ޚަބަރު ފެނިފައި، ގޯތިތެރޭގައި ބަނބުކެޔޮ ކޮށާން އިން ވަދީފާ، ސަނާގެ ގައިގައި އޮޅުލައިގަންނަމުން ރޮއިގަތެވެ. އޭރު ވެސް ސާމިނަށް ހުރެވުނީ ފޯނުން ފެންނާން ހުރި ބައްޕަގެ ފޮޓޯއަަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. ވަދީފާއަކީ ސަލީމްގެ އަންހެނުންނެވެ. ސާމިނާއި ސަނާއަކީ އޭނާގެ ދެ ދަރިންނެވެ. ދެ ކުދިންނަކީ ވެސް ކިޔަވާ ކުދީންނެވެ. އަންނަ އަހަރަކީ ސާމިންގެ ގުރޭޑް 10 ގެ އަހަރެވެ. ސަނާ ބަދަލުވާނީ ގުރޭޑް 8 އަށެވެ. ދެ ބެއިންނަށް ވެސް ވަރަށް މުހިންމު އަހަރެކެވެ.

ސަލީމް އެ ފަދަ ނުބައި އަމަލެއް ހިނގަފާނޭ ކަމަކަށް، އެ އާއިލާއަކަށް ގަބޫލެއް ނުކުރެވެއެވެ. ސަލީމަކީ އެއަށްވުރެ މާ ހެޔޮލަފާ ފިރިއެކެވެ. މާ އޯގާވެރި ބައްޕައެކެވެ. ގުޅާ ކޮންމެ ފަހަރަކު، ބައްދަލުވާ ކޮންމެ ދަނޑިވަޅަކު، އަނބި މީހާއަށާއި ދަރިންނަށް ހެޔޮ ނަސޭޙަތްދިނުން އުފަލަކަށް ހަދައިގެން އުޅޭ މީހެކެވެ. ފަސް ވަގުތު ނަމާދުކުރަން ބާރުއަޅައެވެ. ގުރުއާން ކިޔަވަން ހަނދާންކޮށްދެއެވެ. ގޯސް އަމަލުތަކާ ދުރުހެލިވުމަށް ސަމާލުކުރުވައެވެ. އެ ފަދަ މީހަކު، މި ފަދަ ނުބައި ފާފައަކަށް އަރައިގެންފާނެ ބާވައެވެ؟

“މަންމާ! ބައްޕައަށް ދެން ކިހިނެއް ވާނީ؟” ހުއްޓުން އަރާފައި ހުރި ސާމިނަށް ރޮވުނީ އަދި މިހާރުއެވެ. އޭނާ އައިސް ފަތްޖެހިއެނދުގައި އިން މަންމަގެ ގާތުގައި އިށީނދެ، މަންމަގެ ގައިގައި އޮޅުލައިގަތެވެ. “މަންމާ! ބައްޕައެއް ދެން އަހަރެމެންނަކަށް ނުފެންނާނެތަ؟” ސާމިން ރޯންފެށިއިރު، ހީވީ ތުއްތުކުއްޖެއް ހެންނެވެ.

ދެ ދަރިން ދެ ފަރާތުގައި ތިބެ ރޮމުން ގެންދިޔައިރު، ވަދީފާގެ ހިތަށް ހެރޭ ކަށިތައް އައީ އިތުރުވަމުންނެވެ. ދެ އަތުން ދެ ދަރީންގެ ގައިގައި ބައްދާލައިގެން ރޯން އިންދާ، އެ ގެއަށް އައިސް ވަނީ، ވަދީފާގެ މަންމަ ހައްވާމަނިކެއެވެ. އޭނާ އެ އައީ އެ ޚަބަރު ލިބިގެންނެވެ. އެ ޚަބަރު ދިޔައީ މުޅި ރަށަށް ފެތުރެމުންނެވެ. ފެތުރެމުން ދިޔަ ކަޅު ދުންގަނޑެއް ފަދައިންނެވެ.

މަންމަގެ ހިތާމައިން ފޯވެފައިވާ މޫނު ފެނުމާއެކު ވަދީފާއަށް މާ ބާރަށް ރޮއިގަނެވުނެވެ. ހައްވާމަނިގެ އައިސް ވަދީފާގެ ގާތުގައި ހުއްޓި، ބޮލުގައި އަތް ޖައްސާލިއެވެ. އެއާއެކު އޭނާގެ ދެ ލޮލުން ވެސް ކަރުނަ އޮހިގަތެވެ.

“މަންމާ! ސަލީމު އެ ކަހަލަ ކަމެއް ނުކުރާނެ!” މަންމަގެ ގައިގައި ވަދީފާ ބައްދާލިއެވެ.

“ނުކުރާނެއެކޭ މަށެއް ނުބުނާނަން! އެއްވެސް މީހެއްގެ އަޑިއެއް ނޭނގޭނެ!” ވަސީމާ އިނީ ކޮޓަރީގައި ފައިސަލަށް ގުޅައިގެންނެވެ.

“ސަލީމު ވެސް ތި ކިރަނީ އަަހަރެން ކިރާ ތިލަފަތުންތަ؟” ފައިސަލްގެ އަޑުގައި ހުރި ހިތާމައިގެ ރާގުގައި ނުރުހުމުގެ ކުލަޖެހުނެވެ.

“މަގޭ ސުވާލަކީ ކީއްވެހޭ ސަލީމުގެ ކޮޓަރީގަ މަރުވެފައި އޮތް ކުއްޖަކު އޮންނަންވީ؟ ސަލީމަށް ނޭނގި އެ ކަހަލަ ކަމެއް އެ ކޮޓަރީގައި ހިނގާނެހޭ؟ ނިކަން ބުނެބަލަ!”

“ހަމަ ވެދާނެ!” ސަލީމް އެ ކަހަލަ ކަމެއް ކުރާނޭ ކަމަކަށް ފައިސަލް ގަބޫލެއް ނުކުރެއެވެ.

ވަސީމާ އެ ދައްކަނީ ވެސް ގޯސް ވާހަކައެއް ނޫނެވެ. ސަލީމަށް އެ ކުއްޖާ ފެނުނުކަމަށް ވަނީ އޭނާ ނިދާ އެނދު ތަންދޮށުންނެވެ. ކޮޓަރި ތެރެއިން ޒާތެއްގެ ކުނިވަހެއް ދުވާތީ، ތަންތަން ބެލިބެލުމުގައި އެނދު ތަންދޮށުގައި، އެ ކުއްޖާ އޮއްވާ ފެނުނީއެވެ. ކަޅު ކޮތަޅަކަށްލައި އައްސާފައި އޮއްވައެވެ. އެ ކުއްޖާ އޮތް ކަމަށް ވަނީ، އުފަން ހާލުގައެވެ. ހެދުމެއް، ފައިވާނެއް ފަށެއް. މި ކަހަލަ އެއްވެސް އެއްޗެއް ހުރިކަމަކަށް ނުބުނެއެވެ.

މަރުވެފައި އޮތް އިންސާނަކު ކޮޓަރީތެރެއިން ފެނުމުން، ލިބުނު ސިހުމާއި ގަތް ބިރެއްގެ ބޮޑުކަމުން، ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ސިކުނޑީގެ މަސައްކަތް ހުއްޓުފައި އެތައް އިރަކު ސަލީމް އިންކަމަށް ވެއެވެ. ފުލުހުންނަށް ޚަބަރުދިނީ އޭނާ އަމިއްލައަށް ގުޅާފައެވެ.

ފޮރެންސިކް ޓީމާއި ސީރިޔަސް އެންޑް އޯގަނައިޒް ކްރައިމްގެ ޓީމް، ވަގުތުން އައިސް އެ ސަރަހައްދުގައި ރީނދޫ ޓޭޕް ދަމައި ސަރަހައްދު ބަންދުކުރިއެވެ. ގޮތް ހުސްވެ ދާހިއްލާ ފޯވެފައި ހުރި ސަލީމް ވަގުތުން ހައްޔަރަށް ގެންދިޔައެވެ. ނޫސްވެރިންނާއި ރިޕޯޓަރުން ކެމެރާތަކާއި ފޯނުތަކާއެކު، ކުށުގެ ވެށްޓަށް އައެވެ. އާންމުންގެ ދުލުކުރީގައި އެކިއެކި ވާހަކަތައް ހިނގައިގަތެވެ. ފުލުހުން ކުށުގެ ވެށީގައި ހަރަކާތްތެރިވާން ފެށިއެވެ.

ކޮޓަރީގެ އެއްވެސް ތަނެއް ހަލާކުވެފައެއް، އަދި ހަލާކުކޮށްފައެއް ނެތެވެ. ދޮރުފަތަަށް އަދި ތަޅަކަށް ވެސް ގެއްލުމެއް ދީފައެއް ނެތެވެ. އެ ކޮޓަރިއަކީ ސަލީމް ފިޔަވައި އިތުރު މީހަކު ދިރިއުޅޭ ކޮޓަރިއެއް ނޫނެވެ. އެހެންކަމުން މި މައްސަލައިގައި ތުހުމަތުގެ ހުރިހައި ކައްޓެއް ވެސް ހުއްޓިފައި ހުރީ ސަލީމާ ދިމާއަށެވެ. ތަހުޤީޤުގައި ސަލީމް ކަނޑައެޅިގެން އެ ކަމަށް އިންކާރުކުރަމުން ގެންދިޔައެވެ. ފޮރެންސިކް ސައިންސްގެ އެހީގައި މައްސަލައިގެ އަސްލާ ހަމައަށް ރުޖޫޢަވެވޭތޯ ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ.

ކުއްލިއަކަށް ކުރިމަތިލާން މި ޖެހުނު ގުޖަޑުގަނޑާ ގުޅިގެން، ވަސީމާ ބޭނުންވީ ދަތުރު ކުރުކޮށްލާށެވެ. ވީ އެންމެ އަވަހަކަށް މާލެއަށް ދަތުރު ފަށާށެވެ. ފައިސަލްގެ ހާލަތު މިހާރު ރަނގަޅެއް ނޫނެވެ. އަނބިމީހާއާއި ދަރީންގެ އެހީތެރިކަން އޭނާއަށް ވަރަށް މުހިންމު ވާނެއެވެ. ހިތާމަތައް ލުއިކޮށްދިނުމަށެވެ. ހިތްވަރުލައިދިނުމަށެވެ. އެހެންކަމުން އެ ދުވަހު ހަވީރު އޭނާ މުނިޔާގެ ގާތުގައި އެ ވާހަކަ ދެއްކިއެވެ. މުނިޔާއަށް ވެސް ފެނުނީ، އެއީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ބައްޕަ އެކަނި އެ ހާލަށް ދޫކޮށްލާފައި، ރަށުގައި ތިބުމަކީ އެހައި ރަނގަޅު ގޮތަކަށް ނުވާނެތީއެވެ.

ރަތާއި ރީނދުލާއި އޮރެންޖާއި ދަނބުކުލައިން، އެއްވެސް ތަރުތީބެއް ނެތްގޮތަކަށް ޖައްވުގައި ފިހި ހާކާލައިފައިވާ ކަހަލައެވެ. އާ ރެއަކަށް ދުނިޔެ ތަންދެނީއެވެ. ދުވާލުގެ ހަލަބޮލިކަމާއި އަވަދިނެތް ދިރިއުޅުމަށް، ހަމަހިމޭންކަމާއި ހިތްފަސޭހަކަން ގެނެސްދެވޭތޯ ދުނިޔެ ކުރާ މަސައްކަތުގެ ސިލްސިލާއަށް، އާ ބޮޅެއް އިތުރުވަނީއެވެ. ސިޓީންރޫމުގައި މުނިޔާ އިނީ، ސާޖިދުގެ އިންތިޒާރުގައެވެ. ކޮފީއަކަށޭ ކިޔާފައި ހަވީރު ބޭރަށް ދިޔަގޮތަށް، ސާޖިދު އަދި ގެއަކަށް ނާދެއެވެ. ގުޅައެއް ވެސް ނުލައެވެ. މިއީ އެހެންޏާ ސާޖިދު ކަންކުރާ ގޮތެއް ނޫނެވެ. ލަސްވަންޏާ މުނިޔާއަށް ގުޅައެވެ. ލަސްވާ ސަބަބު ބުނެދެއެވެ. އާދެވޭނީ ކިހައި އިރަކުކަން ވެސް ބުނެދެއެވެ.

ގޯސްކޮށެއް މުނިޔާ ނުވިސްނައެވެ. ސާޖިދު އެ އުޅެނީ ނުގުޅިގެންނެވެ. ރައްޓެއްސަކާ ޖެހިގެން ވާހަކަ މާ ދިގުވީއެވެ. ނޫނީ ވާހަކަ މާ ގިނަވީއެވެ. އެހެންނަމަވެސް މި ވަގުތު ސާޖިދުގެ ގާތްކަން އޭނާއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމުގެ އިހުސާސްކުރެވެމުން އެބަ ދެއެވެ. ސާޖިދާއެކު ވަގުތު ހޭދަކުރަން އޭނާ ބޭނުންވެއެވެ. ދިވާވެގެން މިއުޅޭ ކަންތައްގަނޑުގެ ޚިޔާލުތަކުން އެއްފަރާތްވެލަައި، ސިކުނޑިއަށް ލުއިކޮށްލަން ހިތްއެދެއެވެ. ސާޖިދަށް ގުޅާލަންވީއޭ ހިތަށް އަރާތާ އެތައް އިރެކެވެ. އެހެނަމަވެސް އުނދަގޫވެދާނެތީ، ގުޅާކަށް ބޭނުމެއް ނުވެއެވެ.

ސާޖިދު ގެއަށް އައީ، އެ ރޭ ހަތެއް ޖަހަން އުޅެނިކޮށެވެ. އޭނާ އައިސް ކޮޓަރިއަށް ވަނުމުން، ފަހަތުން މުނިޔާ ވެސް ކޮޓަރިއަށް ވަނެވެ. އޭރު ސާޖިދު ހުރީ އަލަމާރިކައިރީގައެވެ. ޖީބުގައި އޮތް ވޮލެޓް ނަގައި، އަލަމާރީގައި ބާއްވާފައި އައިސް، އެނދު ހުރަހަށް ޖައްސާލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. މުނިޔާ ގޮސް ސާޖިދުގެ ގާތުގައި، އެއް އަރިއަކަށް އޮށޯވެލިއެވެ. ސާޖިދުގެ މޭަމަތީގައި އެއް އަތް ބާއްވާލަމުން، ކޮލަށް ދޮނެއް ދިނެވެ. ބޮލުގެ އިސްތަށިގަނޑާ ކުޅެލިއެވެ. މޫނުގައި ފިރުމައިލިއެވެ. ސާޖިދާ ދުރުގައި އެތައް ވަގުތެއް ހޭދަކުރެވުނު ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ.

މުނިޔާގެ މި ލޯބި ހަރަކާތްތަކަށް، ސާޖިދުގެ ފަރާތަކުން އެއްވެސް ބަދަލެއް ނުލިބުނެވެ. އޭނާ ހަމަ އެ އޮތްގޮތަށް އޮތީއެވެ. މުނިޔާއާ ދިމާއަށް ބަލައި ވެސް ނުލައެވެ. ހީވަނީ ކަމަކާ ފިކުރުބޮޑުވެފައި އޮތްހެންނެވެ.

“ސާޖީ!” މުނިޔާ ހިނިތުންވެލަމުން، ސާޖިދުގެ މޫނު، އޭނާއާ ދިމާއަށް އަނބުރައިލިއެވެ. މުނިޔާ ބޭނުވަނީ، ހިތަށް ވެރިވެފައިވާ އުދާސްތައް އެއްފަރާތްކޮށްލާށެވެ. އުފާވެރި މޫނަކާއެކު ސާޖިދާ ކުރިމަތިލައި، ހިތަށް ހަމަޖެހުން ގެންނާށެވެ.  

މުނިޔާއާ ދިމާއަށް ސާޖިދު ބަލައިލިއެވެ. ހިނިތުން ވެސް ވެލިއެވެ. އެހެންނަމަވެސް އެ ބަލައިލުމާއި އެ ހިނިތުންވުމުން،  މުނިޔާއަށް ފެނުނީ ގާތްކަމެއް ނޫނެވެ. ގާތްގޮތް ދައްކަން މަސައްކަތްކުރި ކަހަލަ އިޝާރާތެކެވެ. ހިތުގައި އޮތް އެއްޗެއް ނުދައްކާން އުޅުނު ހަލަ ގޮތެކެވެ. އެހެންނަމަވެސް އެކަމާ ބެހޭގޮތުން، އެއްވެސް ސުވާލެއް މުނިޔާ ނުކުރެއެވެ.

“ކިހިނެއްވީ؟ އަދިވެސް ބޮލަށް ތަދުވަނީތަ؟”

“ނޫން! މިހާރު އޯކޭ!”

“އެކަމަކު މަގޭ ހިތް ބުނަނީ އޯކޭއެއް ނޫނޭ!”

“ހިތަކީ ބައެއް ފަހަރު ދޮގުހަދާ އެއްޗެއް! ބައެއް ފަހަރު ކެހި ވެސް ދޭނެ!” ސާޖިދު އޮތީ ފަންގިފިލާއާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ނުވިސްނުނު ތި ބުނި އެއްޗެއް!”

“މި ބުނީ އަހަރެންގެ ބޮލަކު މިހާރަކު ނުރިއްސައޭ.” ސާޖިދު ތެދުވެ އިށީންނަމުން، މުނިޔާއާ ދިމާއަށް ބަލައިލިއެވެ.

“އޯކޭ! ގަބޫލުކޮށްފިން.” މުނިޔާ ތެދުވެ ހިނިތުންވެލަމުން، ސާޖިދުގެ ކޮނޑުގައި ބޯ އަޅައިލީ، ގައިގައި ބައްދާލަމުންނެވެ. “މިހާރު ގަބޫލުކޮށްފިން މަގޭ ހިތް މަށަށް ދޮގު ހަދައިފިކަމަށް.”

މި ގޮތަށް ސާޖިދުގެ ކޮނޑުގައި މުނިޔާ ބޯ އަޅާލައިފިއްޔާ، ސާޖިދު އިންނާނީ މުނިޔާގެ ބޮލުގައި ފިރުމާލަފިރުމާލައެވެ. އިސްތަށިކޮޅާ ކުޅެލަކުޅެލައެވެ. އެއީ މުނިޔާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެކެވެ. އޭނާގެ ނޭވާއާ ގުޅިލާމެހިފައިވާ ފިރުމުންތަކަކަށް ވާތީއެެވެ. އެހެންނަމަވެސް އެ އޯގާވެރި ފިރުމުންތަކަށް މިއަދު ހުސްކަމެއް އަތުވެއްޖެއެވެ. އެއް މިނެޓު ދެ މިނެޓަށްވެ، ތިން މިނެޓަށް ވަނީއެވެ. ސާޖިދުގެ އަތް އޭނާގެ ބޮލުގައި ބީހި ވެސް ނުލިއެވެ. އޭނާއަށް ބޯ އުފުލައި، ސާޖިދުގެ މޫނަށް ބަލައިލެވުނީ ކެތްތެރިިކަން ކޮޅުންލީމައެވެ.

“އަޅެ ފިރުމައި ވެސް ނުލާނަންތަ؟”

“އޯހ.” ސާޖިދު ހިނިތުންވެލިއެވެ.

މުނިޔާ އަނެއްކާ ވެސް ސާޖިދުގެ ކޮނޑުމަތީގައި ބޯ ބާއްވާލިއެވެ. އެ ފޮނިފޮނި ވަގުތުކޮޅަށް ފުރުސަތު ދިނުމަށް ޓަކައެެވެ. ސާޖިދު މަޑުމަޑުން މުނިޔާގެ ބޮލުގައި ފިރުމާންފެށިއެވެ.

“ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ހާދަ ހީވޭ!” އިރުކޮޅަކުން ސާޖިދުގެ އަޑު، މުނިޔާގެ ކަންފަތުގައި ޖެހުނެވެ.

“ބައެއް ފަހަރު ހިތަކީ ދޮގު ހަދާ އެއްޗެއް!” މުނިޔާ ބޭނުންވީ ސަމާސާކޮށްލާށެވެ. ހިނިތުންވެލާށެވެ. އެ ދެމަފިރީންގެ ދެމެދަށް ވަދެ، އުފާވެރިކަން ފޭރިގަންނަން މަސައްކަތްކުރާ މަޚުލޫޤުގެ ކިބައިން ސަލާމަތްވެ، ކުރިން އޮންނަ އުފާވެރިކަން ގެންނާށެވެ. ލޯބީގެ ހިތްގައިމު އަދާތަކާއެކު ވަގުތުތައް ހޭދަކުރާށެވެ.

“ތި ކުރީ ޖެއްސުމެއްނު!”

“ނޫން ސާޖީ!” މުނިޔާއަށް ތެޅެގަނެވުނެވެ.

ސާޖިދުގެ ފަރާތުން އިވުނީ، މުނިޔާ އުއްމިދުކުރި ފަދަ ޖަވާބެއް ނޫނެވެ. އޭނާގެ އަޑާއި ރާގު ހުރީ، މުނިޔާ ހީކުރި ގޮތަކަށް ނޫނެވެ. މުނިޔާ އަވަސް އަވަހަށް ބޯ އުފުލައި، ސާޖިދުގެ މޫނަށް ބަލައިލިއެވެ. ސާޖިދުގެ މޫނުމަތިން އޭނާއަށް ފެނުނީ ސީރިޔަސްކަމެވެ. ނުރުހުން ނެތަސް، ގާތްކަމެއް ނެތް ސިފައެކެވެ.

“އެއީ މަޖަލަކަށް ބުނި އެއްޗެއް!” މުނިޔާއަށް ޖެހުނީ ސަމާސާގޮތް ކުޑަކޮށްލާށެވެ. “އެއީ ސަމާސާއަކަށް ބުނިއެއްޗެއް! އަހަރެން ސާޖީއަށް ޖެއްސުންކުރާނެތަ؟”

“ގަބޫލުކޮށްފިން!”

ސާޖިދުގެ ކޮނޑުގައި އަނެއްކާ ވެސް މުނިޔާ ބޯ އަޅައިލިއެވެ. ލޯ މަރައިލަމުންނެވެ. ސާޖިދަށް ބަދަލުތަކެއް އަތުވެއްޖެކަން ގަބޫލުކުރަން، ފުރަތަމަ ފަހަރަށް އޭނާއަށް މަޖުބޫރުކޮށްފިއެވެ. ސާޖިދަށް އައި ބަދަލެއް އައީ، ކަނޑެވާރެހާގެ ހާދިސާއަށް ފަހުގައެވެ. މުނިޔާދެކެ ސާޖިދު އިންތިހާއަށް ލޯބިވެއެވެ. އެ ލޯތްބަށް ބަދަލެއް ނާންނާނެކަން އޭނާއަށް ޔަޤީނެވެ. އެހެންނަމަވެސް ސާޖިދަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް އެބަ ވެއެވެ. ސާޖިދު އެ އުޅެނީ އެ ވާހަކަ ނުބުނާށެވެ. އެ ވާހަކަ ދައްކައިގެން، އޭނާގެ ހިތަށް އަނިޔާއެއް ދޭން ބޭނުންނުވާތީއެވެ.

މާލެ ދިޔުން ނޫން އެއްވެސް ގޮތެއް ދެން ނެތެވެ. ބައްޕަގެ ހާލަތު ގޯހެވެ. ސާޖިދު ޑޮކްޓަރަށް ދައްކަން އެބަ ޖެހެއެވެ. ސިއްހީ މައްސަލަތަކެއް އޭނާގެ ކިބައިގައި އެބަ ހުއްޓެވެ. އެ ކަމަށް ފަރުވާ ނުކޮށް ވާކަށް ނޯންނާނެއެވެ. އެ ކަމާ އުޅެން ހުރީ އޭނާއެވެ. ވިސްނާން ހުރި މީހަކީ ވެސް އޭނާއެވެ. ސާޖިދަށް އަނެއްކާ މި ވަނީ ކިހިނެއް ބާވައެވެ؟ އޭނާއަށް ބޮޑު ބައްޔެއް ނުޖައްސަވާށިއެވެ! މި ކަހަލަ ފިކުރުތަކެއް ސިކުނޑިއަށް ވެރިވެގަނެ، ސިކުނޑީގައި ހައިޖާނުު އުފައްދަން ފެށުމާއެކު، މުނިޔާގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ.

މުނިޔާ އަދިވެސް އިނީ ސާޖިދުގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. މުނިޔާގެ ބޮލުގައި ފިރުމައިލަ ފިރުމައިލަ އިން ސާޖިދަށް ވިސްނެމުން ދިޔައީ، އޭނާގެ އަމިއްލަ ނަފުސާމެދުގައެވެ. އޭނާއަށް އަންނަމުން ދާ ބަދަލުތަކާ މެދުގައެވެ. ވަރަށް ކުއްލި ގޮތަކަށް އޭނާގެ ހިތް ބަދަލުވާން ފަށައިފިއެވެ. މިހާރު އޭނާއަކަށް މުނިޔާ ރީއްެޗެއް ނޫނެވެ. ގަޔަކާ ނުވެވެއެވެ. ގާތުގައި އިންނަ ހިތެއް ނުވެއެވެ. ގައިގައި ޖެހިލިޔަސް، އުނދަގޫވެއެވެ. އެހެންނަމަވެސް މިހެން ވާކަށް އޭނާ ބޭނުމެއް ނޫނެވެ. މުނިޔާ ދެރަވާ ކަހަލަ ކަމެއް ކުރާކަށް އަމުދުން ބޭނުމެއް ނުވެއެެވެ. އޭނާދެކެ މުނިޔާ ވާ ލޯތްބާއި އެ ލޯބި ނުލިބިއްޖެ ނަމަ މުނިޔާގެ ހިތަށް ކުރާނެ އަސަރު، އޭނާއަށް އިހުސާސްކުރެވެއެވެ. މުނިޔާ ކަހަލަ އޯގާވެރި، ވަފާތެރި އަނތްބަކު އޭނާއަށް ލިބިދާނެ ބާވައެވެ؟

މި ކަހަލަ ޚިޔާލުތަކެއްގައި ސާޖިދު އިންދާ، އޭނާގެ ކޮނޑުމަތި މަޑުމަޑުން ތެމެމުން އަންނަކަމުގެ އިހުސާސެއް ކުރެވެން ފަށައިފިއެވެ. ޔަޤީނެވެ. މުނިޔާ ރޮނީއެވެ. ނުރުއި ކަމުގައި ވިޔަސް، އޭނާގެ ދެ ލޮލުން ކަރުނަ އޮހެމުން އެބަ ދެއެވެ. މި ކަން އިހުސާސްކުރެވުމާއެކު، ސާޖިދަށް ހީވީ، އޭނާގެ ހިތުގައި މީހަކު ހިފައި ފިތާލިހެންނެވެ. ހިތަށް ފާޑެއްގެ ތަދެއް އެރިއެވެ.

“މުނީ! ސޮރީ!” ސާޖިދުގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. “އަހަރެން ގަސްތަކު ނޫން…!”

“ކިހިނެއްވީ ސާޖީ؟” މުނިޔާ އަވަސް އަވަހަށް ދެ ލޯ ފޮހެލަމުން، ބޯ އުފުލައިލިއެވެ. ސާޖިދުގެ މޫނަށް ބަލައިލީ، ހިނިތުންވެލަމުންނެވެ.

“މުނީ ތި ރޮނީނު!” މުނިޔާގެ ދެ ލޮލާއި މޫނުމަތީގެ ކުލަވަރު ސާޖިދަކަށް ދޮގެއް ނުހެދިއެވެ.

“އަހަރެން ދެކެ ތިހާ ލޯބިވާ ފިރިއަކު ހުއްޓާ، ކީއްވެ ރޯންވީ؟” މުނިޔާގެ ހިތުގެ ރިހުމާއި ވޭން، އޭނާގެ އަޑުން ފާޅުވިއެވެ.

މުނިޔާގެ ތޫނު ޖުމުލަ، ސާޖިދުގެ ހިތުން ބަޔެއް ކަފާލި ކަހަލައެވެ. އޭނާގެ ދެ ލޯ ވަގުތުން ފެންކަޅިވިއެވެ. އިސް އޮބާލަން މަޖުބޫރުކުރީ އޭނާގެ ޒަމީރެވެ. މުނިޔާއަށް އެ މަންޒަރު ދައްކަން ބޭނުންނުވާތީއެވެ.

“ސާޖީ! އަހަރެެން ދެކެ އަބަދުވެސް ތިހާ ލޯބިވައްޗޭ! ސާޖީއާ ވަކިން އަހަންނަށް ނޫޅެވޭނެކަން، އަބަދުވެސް ހަނދާން ބަހައްޓައްޗޭ!”

ސާޖިދަށް އިސްއުފުލައި މުނިޔާއާ ދިމާއަށް ބަލައިލެވުނެވެ. އޭރު މުނިޔާގެ ފެންކަޅިވެފައިވާ ނަޒަރު ހުއްޓިފައި ހުރީ ސާޖިދުގެ މޫނަށެވެ. މުނިޔާގެ މާސޫމު މޫނާއި އޭނާގެ އެ އާދޭހުގެ ލަފުޒުތައް، ސާޖިދުގެ ހިތުގައި ރިހުން އުފެއްދިއެވެ. އޭނާއަށް ހިފަހައްޓައިގެން އިނދެވުނީ ވަކި ވަރަކަށެވެ. ދެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފިއެވެ. ހަމައެއާއެކު އަޑުވީއްލާ ރޮވިއްޖެއެވެ. މި މަންޒަރު ފެނިފައި މުނިޔާއަކަށް ވެސް ކެތެއް ނުވިއެވެ. ރޮވިއްޖެއެވެ. އޭނާ ސާޖިދުގެ ގައިގައި ބައްދާލީ، ދުވަހަކު ވެސް ވަކިނުވާނަމޭ ބުނާ ފަދަ ބައްދާލުމަކުންނެވެ.

“ދެން ނުރޮއި! އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަލީމް ސަލާމަތްވާނެ!” ފައިސަލް ވާހަކަ ދައްކަމުން ގެންދިޔައީ، ސަލީމްގެ އަންހެނުން ވަދީފާއާއެވެ.

“އަހަންނަށް އެނގޭ ތީ އަހަރެން ހިތްހަމަޖައްސަން ދައްކާ ވާހަކަކަން.” ވަދީފާގެ ގިސްލުމުގެ އަޑު ފައިސަލްގެ ކަންފަތަށް ވަންނަމުން ދިޔައީ، އޭނާގެ ހިތް ފުނޑުފުނޑުކުރަމުންނެވެ.

“ކުރިމަތިވާ ކަންކަމަށް ކެތްކުރަންވާނެ!”

“ފައިސަލް ތިހެން ބުންޏަސް، ކިހިނެއް ކެތްކުރާނީ؟ މުޅި ރަށަށް އަހަރެމެން ފަޟީޙަތްވެ ނިމިއްޖެ!” ވަދީފާގެ ހިތް ކުދިކުދިވެފައިވާ ކަހަލައެވެ.

ވަދީފާގެ އެ ޖުމުލައިން، ފައިސަލަށް ވަރަށް އެހެންކަހަލަ ގޮތްތަކެއް ވެގެންދިޔައެވެ. އޭނާއަށް ފޯނު ކަންފަތުގައި ޖެހިގޮތަށް، ބަސް ހުއްޓިފައި އިނދެވުނީއެވެ. އޭރު ވެސް އޭނާގެ ކަންފަތުތެރޭގައި ގުގުމަމުން ދިޔައީ، ވަދީފާގެ ރުއިިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ.

“ކުދިންކޮޅު ވެސް ރުއިން ނޫން ކަމެއް ނުކުރޭ!” ވަދީފާގެ ގިސްލުމުގެ އަޑުގެތެރެއިން، އަނެއްކާ ވެސް އިވުނީ ވޭން ހުރި ޖުމުލައެއްގެ އަޑެވެ. “އެ ކުދިން އެ ތިބެނީ ބޭރަށް ވެސް ނިކުންނަން ނުކެރިފަ.”

ފައިސަލްގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. އޭނާއަށް މޭގައި އަތް އަޅައިލެވުނީ، މެޔަށް ފާޑެއްގެ ގޮތެއް ވުމުންނެވެ. ސަލީމަށާއި އޭނާގެ އާއިލާއަށް އުފަލާން ޖެހުނު ހިތާމަ، ތޫނު ޚަންޖަރަކަށްވެގެން، އޭނާގެ ހިތަށް ހަމަލާދޭން ފެށި ކަހަލައެވެ. އޭނާ ވަރަށް ހިތްވަރުކޮށްގެން އިންދާ ވެސް ރޮވޭން ފަށައިފިއެވެ. ވަދީފާއަށް ހިތްވަރުދޭން އޭނާ ބޭނުންވެއެވެ. ވަދީފާގެ ދެ ލޮލުން އޮހޭ ކަރުނަތަކަށް ނިމުމެއް ގެންނާން އޭނާ ބޭނުންވެއެވެ. ވަދީފާގެ ހިތަށް ހަމަޖެހުމެއް ހޯދައިދޭން އޭނާ ބޭނުންވެއެވެ. ސަލީމްގެ ދެ ދަރީންނަށް އުފާވެރިކަން ގެނެސް ދޭން ވެސް އޭނާ ބޭނުންވެއެވެ. އެހެންނަމަވެސް އެ ކަމަށް ޓަކައި ކޮށްދެވޭނެ ކަމެއް އޭނާގެ ހިތަކަށް ނާދެއެވެ.

ރޭގަނޑު އެގާރަޖަހައި އެހައިކަންހައި އިރެވެ. ގޭތެރެއަށް ވެރިވެފައި ވަނީ ފަނޑުފަނޑު އަލިކަމެކެވެ. މަރުގެ ހަމަހިމޭން ކަމެވެ. ކޮންމެ މީހަކު ވެސް ވީ، އެ މީހެއްގެ ކޮޓަރީގައެވެ. ރޭގަނޑުގެ އަރާމު ނިންޖަށް އިންސާފުކުރަނީއެވެ. ނޫނީ އިންސާފުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަނީއެވެ. އޭގެތެރެއިން އެކަކީ، ޒުވާންކަމުގެ އަތުން އެ ކުއްޖަކާ ދިމާއަށް ހަނާއަޅަމުން އަންނަ ނިޔަމްއެވެ. އޭނާ ވެސް އޮތީ އޭނާ ނިދާ ކޮޓަރީގައެވެ. ހޮޅިބުރީގެ ގަދަފަދަ އަލިން، އެ ކޮޓަރި އޮތީ ހުޅުދާންކޮށްފައެވެ.

ނިޔަމް އޮތީ ގައިމަތީގައި ރަޖާއަޅައިގެންނެވެ. ދެ ލޯ މަރައި ތަގުޅިކޮށްގެން އޮތެއްކަމަކު، އޭނާގެ ދެ ލޮލަކު ނިންޖެއް ނެތެވެ. ހިތުގައި އޮތީ ކަނޑެވާރެހާއެވެ. އެ ރަށުގެ ގަސް ބޯ ވަލެވެ. ވަލުތެރެއިން ފެނުނު ނާމާން ސޫރައެވެ. އޭގެ ކިބައިން ސަލާމަތްވާން، އެ ގޮތް މި ގޮތަށް ވަލުތެރޭގައި ތެޅިފޮޅެމުން ދުވި ދުވުމެވެ.

މި ޚިޔާލުތައް ހިތުގެ އިސްކިރީނުގައި ތަކުރާރުވަމުން އަންނާތީ، ނިޔަމް އޮތީ ގުޑިލާން ނުކެރިފައެވެ. ލޯ ހުޅުވައިލާން ވެސް ނުކެރިފައެވެ. މަންމަގެ ކޮޓަރިއަށް ނިދަން ދާން ވެސް އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ބައްޕައާ ވާހަކަދައްކަން، މި ރޭ މަންމަ ވަރަށް ބޮޑަށް ބޭނުންވާނޭކަން އެނގޭތީ، އޭނާ އެ ވާހަކަ ނުބުނީއެވެ.

މެންދަމު ބާރަޖަހައި ބޮޑުވެއްޖެއެވެ. ނިޔަމްއަކަށް ނުނިދެއެވެ. އެހެން އޮއްވާ އެންމެފަހުން އޭނާއަށް ތެދުވާން މަޖުބޫރުވެއްޖެއެވެ. ފުރަތަމަ އޮތީ ނުތެދުވާން ކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ޖެހުނީ ތެދުވާށެވެ. ތެދުވެ އިށީނދެ، މުޅި ކޮޓަރިއަށް އޭނާ ނަޒަރު ހިންގައިލިއެވެ. ކޮޓަރީގެ އެއްވެސް ދިމާއަކުން، ތަފާތުކަމެއް ފެނޭތޯ ބަލަން ފެށި ކަހަލައެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ބަލަމުން، ކަޅި ހިންގަމުން އޭނާ އެނދުން ފޭބިއެވެ. މަޑުމަޑުން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ.

ފާޚާނާގެ ބޮކި ދިއްލާލުމަށްފަހު، ނިޔަމް ފާޚާނާއަށް ވަނެވެ. ފާޚާނާގައި ހުރީ، ފަނަރަ ވަރަކަށް ވޯޓުގެ އަލިފަނޑު ބޮތްކެކެވެ. އެ ބޮކީގެ އަލި މަޑު ވާހަކަ، ކުރީ ދުވަހަކު މަންމާގާތުގައި އޭނާ އޮތީ ބުނެފައެވެ. ރަނގަޅުވާނެއޭ ކިޔާފައި، މަންމަ އޮތީ އެކަމާ އަޅައިނުލައެވެ. ކުރިން އެކަން، މާ ބޮޑު ކަމަކަށް ނުވިޔަސް، މި ރޭ އޭނާއަށް އެ ކަން ވީ، ކުޑަ ކަމަކަށް ނޫނެވެ.

ފާޚާނާއަށް ވަނުމަށްފަހު އޭނާ ބޭނުންވީ، އަވަސްއަވަސްކޮށްލައިގެން ނިކުންނާށެވެ. ފާޚާނާގައި އިން އިރު ވެސް، އޭނާގެ ކަޅި އެކި ފަހަރު، އެކި ދިމާއަށް ހުއްޓެމުންދެއެވެ. ކުރިމައްޗަށެވެ. ދެ ފަރާތަށެވެ. މައްޗަށެވެ. ފަހަތަށެވެ. އޭނާއަށް ހީވަނީ، ހަމަ ކުއްލިއަކަށް، އެ ބިރުވެރި ސޫރަ، އޭނާގެ ކުރިމަތިން ފާޅުވެދާނޭ ހެންނެވެ. ހިތުގެ ތެޅުން އޮބި ނޯވެގެން އުޅޭ ސަބަބަކީ ވެސް އެއީއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު، ފާޚާނާގައި ދެ މިނެޓެއްހައި އިރު ހޭދަކުރުމަށްފަހު ނިޔަމް ތެދުވެ، ފާޚާނާއިން ނިކުންނަން ހިނގައިގަތެވެ. ފާޚާނާގެ ދޮރު ހުޅުވާލުމާއެކު، އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފިޔަވަޅަށް ހުއްޓުން އެރިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި ހޮޅިބުރި ނިވިފައި ހުރުމުންނެވެ. ކޮޓަރިއަށް އަނދިރިކަން ވެރިވެފައި އޮތުމުންނެވެ. ފާޚާނާގެ ބޮކީގެ ފަނޑު އަލިކަމުން، ކޮޓަރިއަށް ފޭދިފައިވާ އަލިކަން ހުރީ ނަމަކަށެވެ.

ނިޔަމްގެ ހިތް ތެޅިފޮޅެމުންދާއިރު ހީވަނީ، މޭ އިރާލައިފައި ނިކުންނާން އުޅޭހެންނެވެ. އޭނާ ހުރީ ކޮޓަރިއަށް ވަންނާން ނުކެރިފައެވެ. ހިތް ބުނެއެވެ. ކޮޓަރީގައި ކޮންމެވެސް މީހަކު އެބަ އުޅެއެވެ. ނޫނެކެވެ. މީހަކަށް މި ކޮޓަރިއަކަށް ނުވަދެވޭނެއެވެ. ހުންނާނީ ތަޅުލާފައެވެ. އެހެންވިއްޔާ ހޮޅިބުރި ނިވާލީ ކާކު ހެއްޔެވެ؟ އަނެއްކާ…. އެ ބިރުވެރި ސޫރަ، ކޮޓަރިއަށް ވެދެ އުޅެނީ ބާވައެވެ؟

ނިޔަމްގެ ހިތް ވަކިން ބާރަށް ތެޅިގެންފިއެވެ. އޭނާ އަވަސް އަވަހަށް މަސައްކަތް ފެށީ، މުގުރާލުމުގެ ކުރިން، ހިތުގެ ތެރެއިން އެ ބިރުވެރި ރާޅު ނެރެެލެވޭތޯއެވެ. އޭނާ ހިތަށް ވިސްނައިދޭން މަސައްކަތް ފެށިއެވެ. ނޫނެކެވެ. މީހަކު ހޮޅިބުރި ނިވާލީއެއް ނޫނެވެ. އެނދީއެވެ؟ އެހެންނޫން ނަމަ އެ ގޮތަކަށް ނުނިވޭނެއެވެ. އެކަމަކު އެއީ މި ރަށަށް އައި ދުވަހު ހަރުކުރި ހޮޅިބުރިއެކެވެ. އެހައި އަވަހަށް ހޮޅިބުރި އަނދާނެ ބާވައެވެ؟ އާނއެކެވެ! ބައެއް ފަހަރު އެހެން ވެސް ވެދާނެއެވެ.

ގަދަކަމުން ހިތަށް ހަމަޖެހުން ހޯދަން މަސައްކަތްކުރަމުން، ނިޔަމް ފާޚާނާއިން ނުކުމެއްޖެއެވެ. އޭނާ ފުރަތަމަ ވެސް ހިނގައިގަތީ، ބޭރަށް ނިކުންނަން ހުންނަ ދޮރުކައިރީގައި ހުރި ސްވިޗްބޯޑާ ދިމާއަށެވެ. ހަލުއި ފިޔަވަޅުތަކެއްގައި ގޮސް، ސްވިޗްބޯޑް ކައިރިއަށް ހުއްޓުނެވެ. ހޮޅިބުރީގެ ސްވިޗާ ދިމާއަށް އަތް ނަގަނަގައި ހުއްޓާ، ފަހަތުން އޭނާގެ ކަނދުރާމައްޗަށް މީހަކު ފުމެލިކަމުގެ އިހުސާސެއް ކުރެވިއްޖެއެވެ. އެޅުނީ މަޑު ހޫނުކަމެއް ހުރި ވަޔެކެވެ. އޭނާއަށް ސިހިފައި ތެޅެގަނެވުނު ވަގުތު، ސުވިޗުގައި އަތުން ޖެހިފައި، ހޮޅިބުރި ދިއްލިއްޖެއެވެ. ނޫނެކެވެ. ނިވިދިއްލޭން ފެށީއެވެ. ބިރުން ވިރިވިރި ހުރެ، ނިޔަމްއަށް އެނބުރި ފަހަތަށް ބަލައިލެވުނެވެ. މާތްކަލާކޯއެވެ! އެނދުމަތީގައި ދިގުދެމިލައިގެން އެ އޮތީ ބިޔަ މީހެކެވެ. މޫނާއި ހަތަރެސްފައިން ފަޅާފައި ހުރި ދިގު ކެހެރިތައް ވަނީ އެނދުމައްޗަށް ފެތުރިފައެވެ. މި މަންޒަރު ފެނުމާއެކު، ނިޔަމްއަށް ވީ ގޮތް ވެސް ނޭނގުނެވެ.

ފައިސަލަށް ގުޅައިގެން އުޅެފައި، ވަސީމާއަށް ނިދިޖެހުނީ ދާދި ދެންމެއަކުއެވެ. އޭނާއަށް ހޭލެވުނީ، ކޮޓަރީ ދޮރުފަތުގައި މީހަކު ތަޅައިގަތް އަޑަށެވެ. ފުންމައިގެން ތެދުވެ، އަވަސް އަވަހަށް ގޮސް ދޮރުހުޅުވިއެވެ. އެއާއެކު ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަނީ ނިޔަމްއެެވެ. އޭނާ އައިސް ވަސީމާގެ ގައިގައި އޮޅުލައިގަތީ، ގައިގައި ހުރި ބާރެއް ލާފައެވެ. އޭރު އެެ ކުއްޖާފުޅުގެ ހަށިގަނޑު ހީވަނީ، މަރަށް ތެޅެމުންދާ ރޯ މަހެއް ހެންނެވެ. ހަށިގަނޑު ތެމެމުންދަނީ، ހިއްލަމުން ދިޔަ ދަލުންނެވެ.

“ކިހިނެއްވީ؟” ދެ ލޯ ބޮޑުވެފައި ހުރި ވަސީމާއަށް، ނިޔަމްގެ ގައިގައި ބާރަށް ބައްދާލެވުނެވެ.

“ކޮ… ކޮ… ކޮޓަރި… ކޮޓަރި…” ނިޔަމްއަށް ވާހަކައެއް ނުދެއްކެއެވެ.

“ކޮޓަރިއަށް ކިހިނެއްވީ؟” ވަސީމާއަށް ބެލެނީ ނިޔަމްގެ މޫނަށެވެ.

“ކޮ… ކޮޓަރި….” ނިޔަމްއަކަށް ނުބުނެވެއެވެ.

“ދަރިފުޅާ! ހަމަޖެހިބަލަ! ކޮޓަރިއަށް ކަމެއްވީތަ؟” ވަސީމާ  ބޭރަށް ބޯދިއްކޮށް، ޖެހިގެން ހުރި ނިޔަމްގެ ކޮޓަރިއަށް ބަލައިލިއެވެ. އެ ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އެހެންކަމުން ދިއްލާފައި ހުރި ހޮޅިބުރީގެ އަލި ވަނީ ބޭރަށް އެޅިފައެވެ.

“ކޮޓަރި… ކޮޓަރީ އެނދުމަތީގައި… މީހަކު އެބަ އޮތް!”

ވަސީމާއަށް ތެޅެގަނެވުނެވެ. ބިރުގަތެވެ. ރުޅި ވެސް އައެވެ. ރަށްފުށުގައި އޮންނަ ވިޔާނުދާ އާދައެއް، ހަނދާނަށް އައުމުންނެވެ. ވަސީމާމެންގެ ޒުވާން ފުރާގައި، އެއީ ފިސާރި ދުއްޕާން ހުރި ކަމެކެވެ. ބަ އެއް ރޭރޭ، ބައެއް ކުދިންނަށް ލޮލުފިޔަ ޖަހައިލެވޭވަރު ނުވެއެވެ. އެހެންނަމަވެސް ޒަމާނަށް އައި ބަދަލާއި މީހުންގެ ހޭލުންތެރިކަން އިތުރުވުމާ ގުޅިގެން، ބައެއް ރަށްރަށުގައި މިހާރު އެކަން ވަނީ މާޒީގެ ކަޅު ޞަފުޙާތަކަށް ދޫކޮށްލެވިފައެވެ. ވަސީމާއަށް ގަބޫލުކުރެވުނީ، އެ ނާތަހުޒީބު މުޑުދާރު އަމަލު، މި ފަސްގަނޑުގައި އަދި ވެސް ފިލައި ނުގޮސް އޮތީކަމުގައެވެ.

“މީހަކު އޮތީއޭ؟” ވަސީމާ ވަގުތުން ބޭރަށް ނިކުތެވެ. ނިޔަމްގެ ކޮޓަރީ ދޮރުމައްޗަށް އަރައި ބަލައިލިއިރު، އެނދަކު މީހަކު ނެތެވެ. އޭނާ ކޮޓަރިއަށް ވަދެ، ފާޚާނާއާއި އަލަމާރިތެެރެއާއި އެނދު ތަންދޮށަށް ދާންދެން ބެއްޔެވެ. މީހެއްގެ ހިލަމެއް ނެތެވެ. ނިޔަމްއަށް ހޭލެވުމުން، އެ މީހަކު ފިލައި ރައްކާވީތާއެވެ.

“ދަރިފުޅު ކޮަޓަރި ތަޅުނުލައިތަ ބެހެއްޓީ؟” އެނބުރި އައިސް ކޮޓަރިއަށް ވަންނަމުން ވަސީމާ އެހިއެވެ.

“ތަޅުލިން.”

“ދެން ކިހިނެއް އެ މީހާ ވަނީ؟”

“މަންމާ! އެއީ… އެއީ… އިންސާނެއް ނޫން! ވަރަށް ބިރުވެރި ސިފައަކަށް އޮތީ.”

“ކީކޭ؟”

“އާނ!”

ވަސީމާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ބަސް ހުއްޓުނެވެ. އެ ވަގުތު އޭނާގެ ހަނދާނަށް އައީ، މި ރޭ އިރާކޮޅު މުނިޔާ ކިޔައިދިން ވާހަކަތަކެވެ. ކަނޑެވާރެހާގައި ނިޔަމްއަށް ކުރިމަތިވި ހާދިސާއެވެ. މުނިޔާ އެ ވާހަކަ ކިޔައިދިނަސް، އޭނާ އެ ކަން ގަބޫލެއް ނުކުރެއެވެ. އަދިވެސް އެ ކަން ގަބޫލުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު ނިޔަމް އެ ދައްކަނީ ވެސް ކޮންމެވެސް ވާހަކައެކެވެ.

“ކިހިނެއްވީ މަންމާ؟”

“ރޭ ކޮއްކޮ އެންމެ ލޮލުފިޔައެއް ވެސް ނުޖަހާ!” ވަސީމާއާއި މުނިޔާ ތިބީ ބަދިގޭގައެވެ. އޭރު ހެނދުނު އަށެއް ޖަހަނީއެވެ.

ނިޔަމްއަށް ރޭ ދިމާވި ކަންތައްތައް މުނިޔާއަށް ވަސީމާ ކިޔައިދިނެވެ. ނިޔަމް ކިޔައިދިން ގޮތަށެވެ. މުނިޔާއަށް އިނދެވުނީ ބަސް ހުއްޓިފައެވެ. ބުނާނޭ އެއްޗެއް ނޭނގިފައެވެ. ކަނޑެވާރެހާގެ ހާދިސާ، ހަމަ ރަނގަޅަށް ވެސް ނިޔަމްއާ ކުޅެންފެށީ ބާވައެވެ؟ އެ ރަށަށް ނުދެވުނު ނަމައޭ މުނިޔާގެ ހިތަށް އެރިއެވެ.

“ދެން ކިހިނެއް ހަދާނީ؟” މުނިޔާގެ ބޮލުގެ ރިހުން ވީ އިތުރެވެ.

“ބައްޕަގާތު ބުނެފިން އަވަހަށް އެންމެނަށް ޓިކެޓް ނަގާށޭ! ދެން ލަހެއް ނުކުރެވޭނެ!”

“ކޮން ދުވަހަކަށް؟”

“މިއަދު ހަވީރުގެ ފްލައިޓުން ލިބޭތޯ ބަލާށޭ މި ބުނީ. ބައްޕަ ބުނި މީހަކާ ގުޅައިގެން ވެސް ލިބޭތޯ ބަލާނަމޭ. ސައިބޮއިގެން ގޮސް ފުރަން ތައްޔާރުވޭ! ކޮބާ ސާޖިދު؟”

ސާޖިދު އޮތީ ކޮޓަރީގައެވެ. ގައިމަތީގައި ރަޖާއަޅައިގެން އެއް އަރިއަކަށް ކަހަލަ ގޮތަކަށެވެ. ދެ އަތުން ފޯނުގައި ހިފަހައްޓާލައިގެން ވީޑިއޯއެއް ބަލާށެވެ. އިރުކޮޅަކުން ކޮޓަރިއަށް އައިސް ވަނީ މުނިޔާއެވެ. އޭނާ އައިސް ސާޖިދުގެ މަގަތުގައި އިށީނދެ، ސާޖިދުގެ މޫނަށް ބަލައިލިއެވެ.

“ސާޖީ!”

“ކީކޭ؟” މުނިޔާއާ ދިމާއަށް ސާޖިދު ބަލައި ވެސް ނުލައެވެ.

“މަންމަ ބުނެފި މިއަދު މާލެދާ ވާހަކަ.”

“މާލެ ދާށޭ؟”

“އާނ!”

“މަންމަ އެކަނި؟”

“އެންމެން ވެސް ދާށޯ ވާނީ.”

“ކީކޭ؟” ފޯނަށް ހުއްޓިފައި ހުރި ސާޖިދުގެ ކަޅި، މުނިޔާއާ ދިމާއަށް ހުއްޓުނީ ނުރުހުމުގެ ކުލަވަރާއެކުގައެވެ.

“މަންމަ ބުނީ ސައިބޮއިގެން އަވަހަށް ތައްޔާރުވާށޯ.” މުނިޔާ އިންގޮތުން ހީވަނީ، ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި އިން ހެނެވެ.

“ނުވާނެ ތިކަމެއް!” ސާޖިދު ތެދުވެ އިށީނދެއްޖެއެވެ. “ޗުއްޓީގެ ބޮޑުބައި އަދި އޮތީ.”

“އެކަމަކު ވެސް މަންމަ ބޭނުންވަނީ ދާށޭ! ދެން މި ފަހަރު ދާނީ ދޯ. އެހެން ފަހަރަކުން އަދި އަންނާނީ.” މުނިޔާ ބޭނުންވަނީ މަސްލަޙަތު އިސްކުރާށެވެ. ސާޖިދު ރުއްސާށެވެ.

“މަންމަ ބޭނުން ވިޔަސް، އަހަރެން ބޭނުމެއް ނޫން ދާކަށް. ޗުއްޓީގެ އެންމެ ދުވަހެއް އޮއްވާ ވެސް އަހަރެން ނުދާނަން!” ސާޖިދުއިނީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

“ބައްޕަ އެކަނި އުޅޭތީއޭ މަންމަ ދާން އެ އުޅެނީ. ރޭ ކޮއްކޮއަށް ވެސް ކަންތައްގަނޑެއް ކުރިމަތިވެއްޖެ!” މުނިޔާ ވާހަކަ ދެއްކީ ސާޖިދަަށް ވިސްނައިދޭށެވެ.

“ކޮއްކޮ ގޮވައިގެން މަންމައަށް ދެވިދާނެއެއްނު! ކޮބާ މައްސަލައަކީ؟” ސާޖިދުގެ އަޑާއި ރާގުގައި ހުރީ ނުރުހުމުގެ ދިލައެވެ.

މުނިޔާގެ ބަސް ހުއްޓުނެވެ. އޭނާއަށް އިނދެވުނީ ސާޖިދާ ދިމާއަށް ބަލަހައްޓައިގެންނެވެ. މިއީ ސާޖިދުގެ ކިބައިން ކުރިން ފެންނަ ސިފަތަކެއް ނޫނެވެ. އޭނާއަށް މިހިރަ އަންނަނީ ހާދަހައި ބޮޑެތި ބަދަލުތަކެކެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ؟ މުނިޔާގެ ދެ ލޯ ކަރުނައިން ތެމެން ފަށައިފިއެވެ. ހިން ދިރުވައިލެވުނީ، ލަގޮނޑިއަށް ތަދުވާން ފެށުމުންނެވެ.

ފަސްވަރަކަށް މިނެޓް މުނިޔާ އެ ތަނުގައި އިނެވެ. ސާޖިދު ހަމަ އިން ގޮތަށް އިނީއެވެ. ބަހެއް ނުބުނިތާނގައި މުނިޔާއާ ދިމާއަށް ބަލައި ވެސް ނުލިއެވެ. އޭނާގެ ބައިވެރިއަކަށްވެފައި އޮތީ ފޯނެވެ. ފޯނުން ފެންނަމުންދާ މަންޒަރުތަކެވެ. ހިތަށް ކުރި އަސަރާއި މެއަށް ކުރި ބާރެއްގެ ބޮޑުކަމުން، އެ ތަނުގައި އިންނާކަށް މުނިޔާއަކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އޭނާ ތެދުވީ ކޮޓަރިން ނިކުންނާށެވެ. އޭނާ ހީކުރީ، ކޮަޓަރިން ނިކުންނާން ހިނގައިގަތުމުން، ކޮންމެވެސް އެއްޗެއް ސާޖިދު ބުނާނޭ ކަމަށެވެ. އެންމެ ކުޑަމިނުން ތި ދަނީ ކޮންތާކަށް ހޭ އަހައިލާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ އަޅައެއް ނުލިއެވެ. ބަލައި ވެސް ނުލިއެވެ. މުނިޔާއަށް ވީ ވަރަކީ، ކޮޓަރިން ނިކުތުމާއެކު ކެތްތެރިކަން ކޮޅުންލީއެވެ. ދެ ލޮލުން ކަރުނަ އޮހިގަތީއެވެ. ހަމަ ރަނގަޅަށް ވެސް ރޮވުނީއެވެ.

ކޮޓަރީ ބޭރުގައި ހުރެ ރޮއިލައި، ހިތަށް ލުޔެއް ހޯދައިދެވޭތޯ މުނިޔާ މަސައްކަތްކުރިއެެވެ. އޭނާ ވިސްނަމުން ގެންދިޔައީ، ދެން ހަދާނެ ގޮތަކާމެދުގައެވެ. ސާޖިދު އިނީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެއަށްވުރެ ބޯ މާ ހިލައެވެ. އެހެންނަމަވެސް ސާޖިދު އެކަނި ރަށުގައި ބަހައްޓާފައި، ފުރައިގެން ދާކަށް މުނިޔާއަކަށް ފަސޭހައެއް ނޫނެވެ. އެއީ އޭނާ ކުރަން ބޭނުންވާ ކަމެއް ވެސް ނޫނެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު، އެންމެފަހުން މުނިޔާ ނިންމީ، ސާޖިދާއެކު ރަށުގައި މަޑުކުރާށެވެ.

“ކީކޭ؟ މާލެއަކަށް ނުދާނަމޭ؟ ރަށުގައި މަޑުކުރާނީއޭ؟” މުނިޔާގެ މޫނަށް ވަސީމާ ބަލައިލީ، ދެ ބުމަ ގޮށްޖަހަމުންނެވެ. “ނުހެދޭނެ ތިހެނެއް! އެންމެން ވެސް ޖެހޭނީ ދާން! އެކަކަށް ވެސް މަޑެއް ނުކުރެވޭނެ!” ވަސީމާގެ އިސްތިއުނާފެއް ނެތް ހުކުމް ވަގުތުން އިއްވިއެެވެ.

“އެކަމަކު މަންމާ! ޗުއްޓިގެ ބޮޑުބައި އަދި…”

“މި އުޅެނީ ޗުއްޓީގެ ބޮޑުބައި ނެތިގެނެއް ނޫނޭ!” ވަސީމާގެ ހަރު އަޑުން ދިން ހަމަލާއިން، މުނިޔާގެ ބަލިކަށި ޖުމުލަ ބުރިކޮށްލިއެވެ. “މުނިޔާއަކަށް ނޭނގޭތަ މި ވެގެން އުޅޭގޮތެއް؟ ދައްކާ ވާހަކަ އަޑުއަހާކަށް ނޫންތަ އިންނަނީ؟”

“އެނގޭ! އެކަމަކު…” މުނިޔާގެ ދެ ލޯ، ކަރުނައިން ތެންމާލިއެވެ.

“ދެން…؟ އާއިލާ ހަނާވާއިރު ވެސް، ފިރިމީހާއާއެކު މަޖާނަގަން ހުންނާންތަ ބޭނުންވަނީ؟” ވަސީމާގެ ހިތްހަމަނުޖެހުން އިތުރުވިއެވެ.

މުނިޔާގެ ކުރިމަތީގައި އޮތީ ދެ މަގެވެ. އެ ދެ މަގު ވެސް ބަންދުވީއެވެ. ކުރިއަށް ދެވޭނެ ގޮތެއް ނެތި، ހަފުސްވީއެވެ. ދެން ހާދާނޭ ގޮތެއް، ކުރާނޭ ކަމެއް، އެ ފަކީރަކަށް ނުވިސްނުނެވެ. އޭނާ ވެސް ބޭނުންވަނީ މާލެއަށް ދާށެވެ. ރަށުގައި މަޑުކުރާކަށް ބޭނުމެއް ނޫނެވެ. މަޑުކުރިޔަސް ލިބޭނެ އުފަލެއް ހިތްހަމަޖެހުމެއް ނޯންނާނެއެވެ. ހިތާމައިގެ ބަނަ ވިލާގަނޑެއްގެ ދަށުގައި، އާއިލާ ކަރުނަ އަޅާއިރު، ފިރިމީހާއާއެކު މަލުގެ ދާނެއްގައި އޮވެ، ހަނދުވަރުން ފެންވެރޭނެ ހެއްޔެވެ؟ ދެން އޮތީ އެންމެ ގޮތެކެވެ. ސާޖިދު ގޮތް ދޫކުރޭތޯ ބެލުމެވެ. ބައްޕަ ޓިކެޓް ނެގުމުގެ ކުރިން ގޮތެއް ނިންމާންވާނެއެވެ. އެހެންނޫނީ އަށްޑިހައިން، ނުވަދިހައަށް މަންމަ އަރާނެއެވެ.

“މިއަދަކަށް ޓިކެޓެއް ނުލިބުނު. ވަރަށް މަސައްކަތް ކޮށްފިން.” މެންދުރުން އެނބުރި ފަހުން، ވަސީމާއަށް ފައިސަލް ގުޅިއެވެ. ޓިކެޓް ލިބުނީ މާދަމާއަށެވެ. ފްލައިޓްތައް އުޅެނީ ވަރަށް ފުލްކޮށެވެ. ތިން ހަތަރު މީހުންނާ ގުޅައިގެން ވެސް، ކާމިޔާބުވާ ގޮތެއް ނުވިއެވެ.

“ޗުއްޓީގެ ބޮޑުބައި އޮތީއޭ ކިޔައިފައި، މުނިޔާ އުޅެނީ މަޑުކުރަން. މަ ބުނެފިން މަޑެއް ނުކުރެވޭނެއޭ.”

ވަސީމާގެ އެ ވާހަކައަކަށް ފައިސަލް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެއްވެސް ކުއްޖަކު، ރަށުގައި މަޑުކުރާކަށް ފައިސަލް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ ހުރިހައި މީހުން ވެސް، އޭނާގެ ގާތަށް އަންނާށެވެ. އެކަނިވާކަށް މިހާރު އޭނާއަކަށް ފަސޭހައެއް ނޫނެވެ. ހިތް ނުތަނަވަސްވެ، ހިތް ބިރުގަންނަނީ ވަރަށް ބޮޑަށެވެ.

“ނިޔަމް ކިހިނެއް މިހާރު؟” އިރުކޮޅަކު އިނދެފައި، ފައިސަލް އަހައިލިއެވެ. ރޭ ނިޔަމްއަށް ދިމާވި ހާދިސާ ފައިސަލަށް އޮތީ އެނގިފައެވެ. ވަސީމާ ކިޔައިދިނުމުންނެވެ.

“މިއަދު ވަރަށް ފާޑަކަށް އިންނަނީ.” ވަސީމާގެ އަޑާއި ރާގަށް ބަދަލުއައެވެ.

ހަގީގަތުގައި ވެސް މިއަދު ނިޔަމްގެ ހާލަތު ރަނގަޅެއް ނޫނެވެ. އޭނާގެ މިޒާޖާއި އުުޅުމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އިންނަނީ ފާޑަކަށެވެ. ހުއްޓުން އަރާފައެވެ. ގިނައިން އޮންނަނީ އޮށޯވެއެވެ. ފޯނަކު އަތެއް ނުލައެވެ. ސިރީޒްއެއް ނުބަލައެވެ. ދޭތެރެދޭތެރެއިން ސިހެއެވެ. ހިތްބިރުގަނެއެވެ. ކެއުމާ ވެސް ދުރުވެއްޖެއެވެ.

“ސަލީމްގެ ޚަބަރެއް ވެއްޖެތަ؟” ވަސީމާ އަހައިލިއެވެ.

ސަލީމްގެ ވާހަކަ ފެށުމާއެކު، ފައިސަލްގެ އަޑު، ހިތާމައިގެ ކަސްތޮޅެއްގައި ހައްޔަރުވެއްޖެއެވެ. އޭނާއަކަށް ސަލީމުގެ އެއްވެސް ޚަބަރެއް ނުލިބެއެވެ. ފުލުހުން އޭނާ ހައްޔަރުކުރި ފަހުން އެނގުނީ، ބަންދުގެ މުއްދަތު އިތުރުކުރިކަމެވެ. ފަނަރަ ދުވަސް ޖެހިކަމެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ގެންދާކަން އެނގެއެވެ. ނަތީޖާއަކީ ކޮަބައިކަމެއް ނޭނގެއެވެ.

ޖެހިގެން އައި ރެއެވެ. ދިހައެއް ޖަހައި އެހައިކަންހައި އިރެވެ. ހޮޓަލަށް ގޮސް، ދެ ހެދިކާއާއެކު، ކަޅުސައިތަށްޓެއް ބޮއިގެން އައިސް، ފައިސަލް އޮށޯތީ ނިދޭތޯއެވެ. ތިން ކޮޓަރީގެ، އެޕާޓްމަންޓުގައި އޭނާ ފިޔަވައި އިތުރު މީހަކު ނޫޅެއެވެ.

ފިކުރުގެ ފުން ކަނޑެއްގައި، ބައިގަޑިއެއްހައި އިރު އޮތް ފަހުން، ފައިސަލުގެ އެސްފިޔަތައް ބަރުވާން ފަށައިފިއެވެ. ދެ ލޮލަށް ނިދީގެ ދީލަތި އެހީތެރިކަން ލިބޭން ފަށައިފިއެވެ. ނިދީގެ މަޑުމަޑު އަތުން، އޭނާގެ ހަށިގަނޑުގައި ފިރުމާންފަށައިފިއެވެ. އިސާހިތަކު ދެ ލޯ މެރި، ނިދީގެ ފުންކަމުގެ ތެރެއަށް ފެތިއްޖެއެވެ.

ކޮޓަރިއަށް ވެރިވެފައިވަނީ، ފަސް ވޮޓު ބޮތްކެއްގެ ރަތް ފަނޑު އަލިކަމެކެވެ. ބުރުނޭނގޭ ވަރަށް އެނބުރެމުންދާ ތިން ފިޔަލީ ފަންކާއިން ވައިކަފާ އަޑު، ކޮޓަރީގެ ހަމަހިމޭން ކަމަށް ވަނީ ހުރަސްއަޅާފައެވެ. ހުދު ރަޖާގަނޑެއް ގައިމަތީގައި އަޅާލައިގެން، އެނދުގެ ދިގަށް ދިގުދެމިލައިގެން އޮތް ފައިސަލް ފެންނަނީ، ކަފުންކޮށްފައި އޮތް މައްޔިތެއް ފަދައިންނެވެ. އޭނާ އޮތީ ހުވަފެނުގެ ދުނިޔެއެއްގައިހެން ހީވެއެވެ. މޫނުމައްޗަށާއި ހަށިގަނޑަށް އަންނަ ބަދަލުތައް ބުނެދެނީ، އޭނާއަށް އުނދަގޫތަކެއް ވަމުން އަންނަ ކަމަށެވެ.

ނިދީގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ފައިސަލަށް ތެޅެގަނެވުނީ، ކުއްލިއަކަށް ނޭވާ ހާސްވެގެންނެވެ. އޭނާގެ ކަރުގައި މީހަކު ހިފައިފިއެެވެ. ވަރަށް ބާރަށެވެ. ނޭވާނުލެވި، ހިންދިރުވައި ނުލެވި، އަނގަ ހުޅުވި، ދޫ ބޭރަށް ނިކުންނަ ހިސާބަށް ހިނގައްޖެއެވެ. އަތެއް ފަޔެއް ހަރަކާތެއް ނުކުރިއެވެ. އޭނާ މަރަށް ތެޅެގަތެވެ. ކަރަށް ދޫޖެހުނީ އެ ވަގުތުއެވެ. ހަށިފުރާ ދޫކޮށްލެވުނު ފުން ނޭވާއާއެކު، މަޑުމަޑުން ކަރުގައި ހިފެހެއްޓުނެވެ. ތަދުވިވަރުންނެވެ. އެއާއެކު ދެ ލޯ ހުޅުވައިލެވުނެވެ. އެ ވަގުތު ލިބުނު ސިހުމެއްގެ ބޮޑުކަމުން، މުޅި ހަށިގަނޑު ރޫރޫއަޅައިގަތެވެ. އެނދުމަތީގައި ބޮޑު ފިރިހެނަކު އިށީނދެ އިންތަން ފެނިފައެވެ. ފުރަގަސްދީގެންނެވެ. ކޮޓަރީގައި ހުރި ފަނޑު އަލިކަމުގެ ތެރެއިން، އެ މީހާގެ ސިފަ ވަކިވާ ވަރެއް ނުވެއެވެ. ފައިސަލަށް ފެންނަނީ، އެ މީހާގެ ބޮލުގެ ފުއްކިބައެވެ. މޫނެއް ނުފެނެއެވެ.

“ކާކު؟” ވަރުބަލިވެ، ދާ ހިއްލައި ފޯވެފައި އޮތެއްކަމަކު، ފައިސަލަށް ފުންމައިގެން ތެދުވެވުނެވެ. “ތީ ކާކު؟” އޭނާގެ ހިތް ތެޅެމުންދެއެވެ. ބިރުވެރި ތެޅުމަކުންނެވެ. އޭނާއަށް މަޑުމަޑުން އެނދުގެ ބިތްދޮށަށް ޖެހެވޭން ފެށުނެވެ. ހުދު ރަޖާގަނޑު އޭނާއާއެކު ގުޅަވެށެމުންދިޔައެވެ.

ފައިސަލްގެ ސުވާލު ތަކުރާރުކުރަމުން ގެންދިޔައެވެ. އެ މީހާ އަނގައަކުން ނުބުނެއެވެ. ބަލައެއް ނުލައެވެ. ގުޑުމެއް ވެސް އަރުވާނުލައި އިންގޮތަށް އިނީއެވެ. ޖެހި ބުދެއް ހެންނެެވެ. ހަދާނޭ ގޮތެއް ނޭނގިފައި އިން ފައިސަލަށް ކުރެވުނުހައި ވެސް ކަމަކީ، އޭނާގެ ސުވާލު ތަކުރާރުކުރުމެވެ. ތީ ކާކުތޯ އެހުމެވެ. އެހެންނަމަވެސް އެ މީހަކު އެ އިންގޮތަށް ބޯ ހަރުކޮށްގެން އިނީއެވެ.

ފަސްވަރަކަށް މިނެޓު މި ގޮތުގައި ހޭދަވެއްޖެއެވެ. ފައިސަލްގެ ހަށިގަނޑު ދަލުން ފޯވަމުންދެއެވެ. އޭނާ އެންމެ ފަހުން ނިންމީ، އެއީ ކާކުތޯ ބެލުމަށް ޓަަކައި އެނދުން ފައިބާށެވެ. އެ މީހާގެ ކުރިމައްޗަށް އަރައި، މޫނަށް ބަލާށެވެ. މި ވިސްނުން އައުމާއެކު ވެސް، ފަސްޖެހިފައި އިރުކޮޅަކު އިނދެވުނެވެ. އެންމެ ފަހުން މަޑުމަޑުން، މަގަތަށް ހިރޭން ފަށައިފިއެވެ. އެ މީހާއަށް ދިމާއަށް ދެ ލޯ ބޮޑުކޮށްގެން އިނދެއެވެ.

ތަންކޮޅަކަށް ޖެހިލިތަނާ، ފައިސަލް ދަންނަ މީހަކާ، އެ މީހާ ވައްތަރުވާން ފަށައިފިއެވެ. އެއާއެކު ފައިސަލްގެ ހަރަކާތަށް ހުއްޓުން އެރިއެވެ. އޭނާ ސިކުނޑިއަށް ބާރުލިއެވެ. ލޯ ކުޑަކޮށްފައި، ރަނގަޅަށް ބަލާންފެށިއެވެ. އާއެކެވެ. އެއީ ހަމަ އޭނާއެވެ. ޔަޤީނެވެ. އެހެން މީހެއް ނޫނެެވެ. އެއީ އޭނާގެ ބޮލެވެ. ތުނިތުނި އިސްތަށިކޮޅެވެ. ބައިމަތި ފުޅާ ހަށިގަނޑެވެ. އެއީ އޭނާގެ އެކުވެރި ސަލީމެވެ.

“ސަ… ސަލީމް!” މަޑުމަޑުން ފައިސަލަށް ބުނެވުނެވެ.

ފައިސަލް އަތް އުފުލައިލިއެވެ. ސަލީމްގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. އެހެންނަމަވެސް ސަލީމްގެ ކޮނޑުގައި އަތް ޖެހުނުކަމުގެ އިހުސާސެއް އޭނާއަކަށް ނުކުރެވުނެވެ. އެ ވަގުތު ކުއްލިއަކަށް ފައިސަލަށް ލިބުނީ، ވަރުގަދަ ސިހުމެކެވެ. އެ އިން ތަނަށް، ތަޅުންގަނޑުމައްޗަށް ސަލީމް ވެއްޓި ޖެހުމުންނެވެ. ބަނޑުވަތަށް ކަހަލަ ގޮތަކަށެވެ.

“ސަލީމް!” ލިބުނު ސިހުމާއެކު، ފައިސަލަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ އަވަސް އަވަހަށް އެނދުގެ މަގަތަށް ޖެހި، އެނދުގެ އޮޅީގައި އަތް ވިއްދާފައި، ތަޅުގަނޑަށް ބަލައިލިއެވެ. އެތާކު ސަލީމެއް ނެތެވެ. އެހެން މީހަކު ވެސް ނެތެވެ. ފައިސަލަށް އަވަސްއަވަހަށް އެކި ދިމަދިމާއަށް ކަޅިހިންގައިލެވުނެވެ. އެއްވެސް މީހަކު ނުފެނުނެވެ. ލިބުނު ފުރުސަތުގައި އެ މީހާ އެނދުތަންދޮށަށް ދެމިގަތީ ބާވައެވެ؟

ފައިސަލްގެ ވިސްނުން އެހެން އަތަކަށް ފުރޮޅިއްޖެއެވެ. ޔަގީނެވެ. އެއީ ސަލީމެއް ނޫނެވެ. ސަލީމް ވީ ހައްޔަރުކޮށްފައެވެ. އޭނާ ދޫކޮށެއް ނުލައެވެ. ދޫކޮށްލިޔަސް، އެ ގޮތަކަށް އޭނާއެއް ނާންނާނެއެވެ. އަނގައިން ނުބުނެ، އެ ފާޑަކަށް ނީންނާނެއެވެ. އެ ކަހަލަ ސަމާސާއެއް ނުކުރާނެއެވެ.

ފައިސަލްގެ ހިތުގައި އަނެއްކާ ވެސް، ބިރުވެރިކަމުގެ މާ ސިންގާ ރާޅެއް އުފުލިއްޖެއެވެ. ހިތުގެ ތެޅުން ހުރީ، ހިނގަހިނގާ ހުރި ފިސްޓަނެއް ފަދައިންނެެވެ. ސަލީމްގެ ސިފައިގައި ކޮޓަރީގައި މި އުޅެނީ ކާކު ހެއްޔެވެ؟ އެއީ އަނެއްކާ ރުހާނީ އެއްޗެއް ބާވައެވެ؟ އެ އެތި ގޮސް އެ ވަނީ ކޮންތަނަކަށް ހެއްޔެވެ؟ ތަންދޮށަށް ވަދެ ބޮނދާ އޮތީ ބާވައެވެ؟ ނިދިފައި އޮއްވާ ކަރުގައި ހިފައި ނޭވާ ހާސްކުރީ ވެސް އެ އެތި ބާވައެވެ؟ ގަތް ބިރެއްގެ ބޮޑުކަމުން، އަނެއްކާ ވެސް އެނދުގެ ބިތްދޮށަށް އޭނާއަށް ޖެހެވޭން ފެށިއެވެ. ތެޅިތެޅި އޮތް ހިތަކާއެކުގައެވެ.

ބާލީސް ކައިރީގައި އޮތް “ރެޑްމީ” ފޯނު، ފައިސަލަށް ފެނުނީ އެ ވަގުތުއެވެ. އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ. ގަޑިއަށް ބަލައިލިއެވެ. މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. ހިތަށް އެރިއެވެ. މިއީ މެންދަމުގެ އެންމެ ނާމާން ވަގުތުކަމަށް މީހުން ބުނެއުޅޭ ވަގުތެވެ. އިންނާންޖެހިފައި މި ވަނީ، ގޭގައި، އެކަނިމާއެކަންޏެވެ. ބިރުވެރި ކަންތައްގަނޑެއްގެ މެދުގައި ތާށިވެފައެވެ.

ފައިސަލް ގަސްތުކުރީ ހިތަށް ވެރިވެފައިވާ ބިރުވެރިކަން ކުޑަވޭތޯ ވަސީމާއަށް ގުޅައިލާށެވެ. އެހެންނަމަވެސް އެ ޚިޔާލު ބަދަލުވެއްޖެއެވެ. އެހައި ރަނގަޅު ކަމަކަށް ނުވާނެތީއެވެ. އެހެންކަމުން ދެން ހަދާނެ ގޮތަކާމެދު އޭނާ ވިސްނައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް، މި ތަނުގައި އޮށޯންނާކަށް ނުކެރޭނެއެވެ. ލޯ މަރައިލަން އަމުދުން ނުކެރޭނެއެވެ. އެ ރޫހާނީ މަޚުލޫޤު، މި ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އުޅޭނެއެވެ. އެކި ގޮތްގޮތަށް ވިސްނުމަށްފަހު، އެންމެ ފަހުން އޭނާ ނިންމީ އެނދުން ފައިބާށެވެ.

މަޑުމަޑުން، އެނދުގެ މަގަތަށް ފައިސަލް ޖެހޭން ފެށިއެވެ. ވަކި ހިސާބަކަށް އައިސްފައި، ކުއްލިއަކަށް އެނދުން ފުންމާލައިފިއެވެ. ފުންމާލިގޮތަށް ފިޔަވަޅަށް މަޑުޖެހުމެއް ވެސް ގެނައީ، ކުރިމަތގައި ހުރި ފާރާ ހަމައިންނެވެ. ސްވިޗްބޯޑާ ހިސާބުންނެވެ. އޭނާ ވަގުތުން ސްވިޗް ޖައްސައިލިއެވެ. އެއާއެކު 120 ވޮޓްގެ އަލި، ކޮޓަރީގައި ހުރި ފަނޑު އަލިކަމުގެ މައްޗަށް ވެރިވެގަތެވެ. އަމާންކަމުގެ ދިދަ، ކޮޓަރި ތެރޭގައި ވިހުރެންފެށި ކަހަލައެވެ.

އުޑުމަތީގައި ފަތިހުގެ ތަރިި ޚިޔާލެއް ފިކުރެއް ނެތި، ވިދާ ބަބުޅަނީއެވެ. އެ ތަރިއާ ސަމާސާކުރަން ހިތުއަޅައިގެން އައި، ފުސްބުޑު އުދަރެސްމަތީގައި، ތަރިއަށް ކަޅިއަޅައިގެން ހުއްޓެވެ. ތަފާތު އެކި ރާގުރާގަށް ގޮވަމުންދާ ހާލާއި ކޮވެލީގެ އަޑުން، މަޑަވެލީގެ މާހައުލަށް ފަތިހުގެ ހިތްގައިމުކަން ގެނެސްދީފިއެވެ. ޖައްވުގައި ހިފާފައިވާ ތެތްފިނިކަމުގެ ތެރޭގައި ގަސްގަހާގެހި ތިބީ، ނިދާ މަރުވެފައެވެ. ކަންނެތްކަމުގެ ރަޖާ އަޅައިގެން ތިބެ، ދޭތެރެއަކުން ބައެއް ގަސްގަސް މޯޅިއަށް ދެމިލައެވެ.

މުނިޔާ އިނީ މުސައްލަމަތީގައެވެ. އިރުކޮޅަކުން ތެދުވެ މުސައްލަ ފަތްޖަހާލިއެވެ. އަލަމާރިތެރޭގައި މުސައްލަ ބާއްވާފައި، އެނބުރި އޭނާ ބަލައިލީ އެނދަށެވެ. ކަކުލާ ހަމައަށް އަންނަ ސޯޓެއް ލައިގެން، އުޑުތިލަމަތިން ހުސްގަޔާ ނިދާފައި އޮތް، އޭނާގެ ފިރިމީހާއާ ދިމާއަށެވެ. އޭނާގެ އެއް އަތް އޮތީ، ބޯދަށުގައި އޮތް ބާލީސްމަތީގައެވެ. އަނެއް އަތް އޮތީ މޭމަތީގައެވެ.

މުނިޔާއަށް ކަޅިޖަހާނުލައި، ސާޖިދާ ދިމާއަށް ބަލަން ހުރެވުނެވެ. އެހެން އޮންނަ އިރު، އޭނާ ކިހައި މަޢުޞޫމު ހެއްޔެވެ؟ ކިހައި ނިޔަނެތި ހެއްޔެވެ؟ ކިހައި މަޑުމޮޅި ހެއްޔެވެ؟ އެކަމަކު އެ ސިފަތަކަކީ، މިއަދު އޭނާގެ ބޭރުފުށުގެ ސިފަތަކަކަށް ވެއްޖެއެވެ. އެތެރޭގައި ވަނީ މުޅިން ތަފާތު ސިފަތަކެކެވެ.

ސާޖިދުގެ އުޅުމާއި މިޒާޖު ބަދަލުވަމުން ދިޔަ ނަމަވެސް، މުނިޔާގެ ހިތުގައި ސާޖިދަށް ދެވިފައިވާ މަޤާމުގެ އަގު އަރަނީ އުހަށެވެ. ލޯބި ވަނީ އިތުރެވެ. އެ ލޯބީގައި އޭނާ ވަނީ މޮޔަވާ ވަރުވެފައެވެ. ސާޖިދާ ނުލައި އެންމެ ދުވަހެއް ކީއްކުރަން ހެއްޔެވެ؟ ދަމެއްހައި ވަގުތު ހޭދަކުރުން ވެސް ވާނީ ޒަހަރަކަށެވެ.

މި ހިތްދަތި ޚިޔާލުތައް ހިތުގައި ވިކަން ފެށުމާއެކު، މުނިޔާގެ ދެ ލޯ ވަގުތުން ފެންކަޅިވެއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ ސާޖިދުގެ ގާތުގައި އޮށޯވެލާށެވެ. އެ ހަށިގަނޑުގެ ހޫނުކަމުން ހައްޓަށް އަރާމު ހޯދައިދޭށެވެ. އެ ދެ އަތުގެ ހިމާޔަތުގައި ވަގުތުތައް ހޭދަކޮށްލާށެވެ. އެހެންނަމަވެސް އޭނާއަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. ހިތަށް ވެރިވާ ނުތަނަވަސްކަމެއްގެ ބޮޑުކަމުން ޖެހިލުންވަނީއެވެ.

މުނިޔާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ، ހިތަށް ލުޔެއް ލިބޭތޯއެވެ. އޭނާ ގަޑިއަށް ބަލައިލިއެވެ. ހައެއް ޖަހަނީއެވެ. ސާޖިދު އޮތީ ފަތިސްނަމާދު ނުކޮށެވެ. ގޮވީމާ ވެސް ނުތެދުވިއެވެ. ގައިގައި އަތް ޖައްސާލިޔަސް، ފެންނަނީ ނުރުހުމުގެ ކުލަވަރެވެ. އެހެންކަމުން އިތުރަށް ރުޅިއަރުވާކަށް މުނިޔާއަކަށް ނުކެރުނެވެ. ރީތިވާ މޭޒުމަތީގަައި އޮތް ފޯނު ނަގައިގެން، އޭނާ ހިނގައިގަތީ، ކޮޓަރިން ނިކުތުމަށެވެ. ދެ ލޯ ފޮހެލަމުންނެވެ.

ގެއިން ބޭރަށް ނިކުތުމާއެކު، ފަތިހުގެ ފިނިކަން އައިސް މުނިޔާގެ ހަށިގަނޑުގައި ލޯބިން ބައްދާލިއެވެ. ބުނެދޭން ނޭނގޭ ކަހަލަ އަރާމެއް އޭނާއަށް އިހުސާސްކުރެވުނެވެ. އޭނާ ގޮސް، ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ޖައްސާލިއެވެ. ބޭނުންވަނީ ފަތިހުގެ މި ހިތްފަސޭހަ ވަގުތުގެ ދީލަތި އެހީއެކެވެ. ހިތުގެ އުދާސްތަކަށް ލުޔެއް ހޯދައިދޭތޯއެވެ.

ޖޯލީގައި އޮށޯވެ، ނިތްމަތީގައި އަތްބާއްވާލައިގެން އޮތްއިރު، އޭނާއަށް ވިސްނެމުން ދިޔައީ، އޭނާގެ ކުރިމަގާ މެދުގައެވެެ. ހިތް ބުނަނީ ދިރިއުޅުން ހަލާކުވެއްޖެ ކަމަށެވެ. އުފާވެރިކަމަށް ނިމުން އަތުވެއްޖެ ކަމަށެވެ. ސާޖިދު އޭނާ ދެކެ ފޫހިވެއްޖެއެވެ. އޭނާއާ އިނދެގެން އުޅޭކަށް މިހާރު ސާޖިދު ބޭނުމެއް ނުވެއެވެ. ދުލުން ފާޅުނުކުރިޔަސް، އަމަލުތައް އެ ވާހަކަ ބުނެދެއެވެ.

އިރު އަރައިފިއެވެ. ފަތިހުގެ ފިނިކަން މަޑުމަޑުން ކެނޑެމުންދެއެވެ. އިރުގެ ހޫނު ދޯދިތަކަށް ޖާގަދީފައެވެ. ގަޑީގެ ކަށި މަޑު ފިޔަވަޅުތެއްގައި ގޮސް، ހަތެއް ޖެހިކަން އިޢުލާންކޮށްފިއެވެ. އޭރު ވެސް މުނިޔާ އޮތީ، ހަމަ އެ ޖޯލީގައެވެ. ހިތްދަތި ފިކުރުތަކެއްގެ ތެރޭގައި ތާށިވެފައެވެ. ވޭން ގަދަ ޚިޔާލުތަކެއްގެ ތެރޭގައި ހައްޔަރުވެފައެވެ. އޭނާ ސިހުނީ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ދެ ލޮލުން ކަރުނަ ފައިބާކަން ވެސް އެނގުނީ، ފޯނަށް ބަލައިލުމުންނެވެ. އޭނާ ކަރުނަ ފޮހެލަމުން ފޯނު ނެގިއެވެ.

“ނުހާ! ހާދަ ހެނދުނަކާ ތި ގުޅައިލީ.” ނުހާއަކީ މުނިޔާއާ އެއް އޮފީހެއްގައި ވަޒީފާ އަދާކުރާ އެކުވެރިއެކެވެ. ރަށަށް އައިފަހުން ވެސް، ދޭތެެރެދޭތެރެއިން ގުޅާލައެވެ.

“މިއަދު އޮފީހަށް ނިކުމޭތޯ ބަަލައިލަން މި ގުޅީ.” އިއްޔެ މާލެދާ ވާހަކަ ނުހާގާތުގައި މުނިޔާއަށް އޮތީ ބުނެވިފައެވެ.

“ސޮރީ ނުހާ! އަދިވެސް ރަށުގަ މި އުޅެނީ. ޓިކެޓު ނުލިބިގެން އިއްޔެ ނުދެވުނޭ.”

“އެހެންތަ؟ ދެން ކޮން ދުވަހަކުން އަންނަނީ؟”

“މިއަދު މެންދުރުފަހުގެ ފުލައިޓުން.”

“މާދަމާ ދިމާވާނެ ދޯ!” ނުހާ ވަގުތުން ބުންޏެވެ.

“މާދަމާ ފަހަރެއްގައި އޮފީހަށް ނިކުންނާނީ.”

“ޗުއްޓީގަ ބާކީ ދުވަސްތައް އެބަ ހުރި ވިއްޔަ ދޯ!”

“އާނ! ދެން އެހެން ވެސް ވީމަ.”

“މުނީ ބަލީތަ؟” ނުހާގެ ހިތުގައި ސުވާލު އުފެދުނީ، މުނިޔާގެ އަޑު ހުރިގޮތުންނެވެ.

“ނޫން!”

“އެކަމަކު ހީވަނީ…”

“ބައެއްޔެއް ނޫން! އެކަމަކު ވަރަށް އުނދަގޫ ފިޔަވަޅެއްގެ މަތީގައި މި ހުރީ.”

“ކިހނެއްވީ އަނެއްކާ؟”

“އަސްލު މާލެދާން މި އުޅެނީ މަންމަ ބޭނުންވެގެން. ބައްޕަ އެކަނި މާލޭގައި ހުރީމަ ކޮންމެހެން ވެސް ދާން ޖެހިގެން. އެކަމަކު ސާޖީ ބޭނުމެއް ނުވޭ ޗުއްޓީ ހަމަނުވަނީސް މާލެ ދާކަށް. އެހެންވެ މަ މި އުޅެނީ ހަދާނެގޮތެއް ނޭނގިގެން.”

“ދެން ސާޖިދާއެކު މުނީ މަޑުކުރަންވީނު!”

“ތި ގޮތަކަށް މަންމަ އޯކޭއެއް ނޫނޭ! ކިހިނެއް މަޑުކުރާނީ؟” އެ ވާހަކަ ފެށުމާއެކު މުނިޔާގެ ހިތަށް ތަދުވާންފެށިއެވެ. “ދެން ނޭނގެ ހަދާނެ ގޮތެއް. އެ ކަމާ މި ވިސްނެނީ. އެންމެނަށް ބައްޕަ ޓިކެޓް ވެސް ނަގައިފި.”

“ޓިކެޓް ނަގައިފިއްޔާ ދެން ޖެހޭނީ އަންނާކަށްނު!” ނުހާ ބުންޏެވެ.

“ޓިކެޓް ޗޭންޖު ވެސް ކުރެވޭނެ! އެކަމަކު މަންމަގެ ބަސް ކަނޑާފައި މަޑުކުރާހައި ހިތްވަރެއް ނެތް!” މުނިޔާގެ އަޑުގައި ތުރުތުރެއް އެކުލެވުނެވެ.

“މުނީ ބުނީމަ ސާޖިދު އަންނާނެއެއްނު! އެއީ ނުލާހިކު ލޯބި ފިރިއެއްނު!”

ނުހާއަށް ފެންނާނީ ކުރީގެ ސާޖިދެވެ. ހަގީގަތުގައި ވެސް ކުރިން އެއީ ވަރަށް ލޯބި ފިރިއެކެވެ. އެކުގައި އުޅެން ވަރަށް ފަސޭހަ ފިރިއެކެވެ. މުނިޔާ ބުނެފި ކޮންމެ ގޮތަކަށް، އޭނާ ހުންނާނީ ރުހި ގަބޫލުވެގެންނެވެ. އެއްވެސް ކަމެއްގައި މުނިޔާގެ މައްޗަށް ހަތިިޔާރު ނަގައި، ހަނގުރާމަ އިއުލާނެއް ނުކުރާނެއެވެ. އެހެންނަމަވެސް މިއަދު އެއީ ކުރީގެ ސާޖިދެއް ނޫނެވެ. އެކަން އެނގޭ ނަމަ، ނުހާ އެހެނެއް ނުބުނާނެއެވެެ.

“ސާޖީއާ ވާހަކަ ދައްކަންވީ ދޯ!” މުނިޔާގެ އަޑަކު އުއްމީދުގެ ރާހަތެއްހައި މިންވަރު ވެސް ނެތެވެ.

“އާނ! ބުނޭ ހިނގާށޭ ދެން މި ދަތުރު މާލެދާން. އޭރުން މަންމަ ވެސް އުފާވާނޭ!”

“މަންމަ އުފާވީމަ ނިމުނީ ދޯ! މަގޭ އުފަލަކީ ނެތް އެއްޗެއް؟” ސާޖިދު ކޮޓަރީގައި އޮއްވާ މުނިޔާ ގޮސް، މާލެ ދާ ވާހަކަ ފެށުމާއެކު، ސާޖިދުގާތަށް އައީ ރުޅިއެވެ.

“ތަންކޮޅެއް މަޑުން ވާހަކަ ދައްކަފާނަންތަ؟” މުނިޔާ ކަންބޮޑުވީ މަންމައަށް އިވިދާނެތީއެވެ.

“މަޑަކުން ނުދެއްކޭނެ!”

“ޕްލީޒް ސާޖީ! އަހަންނާމެދު ހަމްދަރުދީވެދީ!” މުނިޔާއަށް ރޮވިއްޖެއެވެ.

ސާޖިދު މި ފަހަރު އަނގައަކުން ނުބުނެއެވެ. މުނިޔާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ. ސާޖިދު އިން ގޮތް ފެނިފައި، މުނިޔާގެ އުއްމީދު އާވާގޮތްވިއެވެ. އޭނާގެ ހިތް ބުނަންފެށިއެވެ. ސާޖިދު އެ އުޅެނީ ހަތިޔާރު ބަހައްޓާށެވެ. އޭނާ އެ އުޅެނީ މުނިޔާގެ އެދުމަށް އިޖާބަދޭށެވެ. މާލެއަށް ދިޔުމަށް އެއްބަސްވާށެވެ. މުނިޔާ ދެ ލޯ ފޮހެލިއެވެ. ހިތަށް ލިބުނު އުފަލަކުން ހިނިތުންވެލެވުނެވެ.

“މި ފަހަރު ދެން ދާނީ ދޯ!” ސާޖިދުގެ ބުރަކަށީގައި މުނިޔާއަށް ފިރުމައިލެވުނެވެ.

“ކިތައް ފަހަރު ބުނެފިން މަށެއް މާލެއަކަށް ނުދާނަމޭ! މުނިޔާގެ ކަންފަތަށް އެއްޗެއް އެޅުނީތަ؟” މުނިޔާ ސިހުނެވެ. އަވަސް އަވަހަށް ސާޖިދާ ދުރަށް ޖެހިލެވުނެވެ.

“މުނިޔާއޭ؟” މުނިޔާގެ އަޑު ކުރެހުނެވެ. ދެ ލޮލުން ކަރުނަ ހިލުނެވެ. މާތްކަލާކޯއެވެ! ސާޖިދުގެ މިޒާޖާއި އުޅުން ބަދަލުވަމުން ގޮސް އެއްކޮށް ބަދަލުވީއެވެ. އެންމެ ފަހުން މުނިޔާއޭ ވެސް ކިޔަންފެށީއެވެ. އެއީ ދުވަހަކު ވެސް އޭނާއަށް މުޚާތަބުކުރި ގޮތެއް ނޫނެވެ.

ކޮޓަރީ ދޮރުގައި ޓަކިޖެހި އަޑު އިވުނީ އެ ވަގުތުއެވެ. ޓަކި ޖަހާލިގޮތުން ވެސް، އެއީ މަންމަކަން މުނިޔާއަށް ކަށަވަރުވިއެވެ. ދެ ލޯ ފޮހެލުމަށްފަހު، އަވަސްއަވަހަށް ދޮރާދިމާއަށް އޭނާ ހިނގައިގަތެވެ.

“މަންމާ!” ދޮރު ހުޅުވާލި އިރު، ދޮރުމަތީގައި ހުރީ ވަސީމާއެވެ. އޭނާގެ މޫނުމަތީން ފެންނަނީ އިންތިހާ ދަރަޖައިގެ ނުރުހުމެވެ. ނަޒަރު ހުއްޓިފައި ހުރީ ސާޖިދުގެ މޫނަށެވެ.

“ވެލާ ކަހަނބު އެއްޗެހި ވެސް، ފެނުގައި ޖެހުނީމަ ބާރު ލިބިގެން ތެޅިގަންނަނީ. ކަލެއަށް އެ ވަރު ވެސް ނުވި ދޯ!” ވަސީމާގެ ބަހުގެ ހަމަލާ އަމާޒުވީ ސާޖިދަށެވެ. ސާޖިދު ދެއްކި ވާހަކަތައް ވަސީމާއަށް ވަނީ އިވިފައެވެ.

“މަންމަ ނުޖެހޭނެ މި ކަމުގެ ތެރެެއަށް ވަންނާކަށް.” ސާޖިދު ވަގުތުން ރައްދު ދިނެވެ.

“މި ގޭ ފުރާޅު ދަށުގައި ހިނގާ ކޮންމެ ކަމަކަށް މަށަށް ބަސް ބުނެވޭނެ!” ވަސީމާގެ އަޑު ބާރުވިއެވެ.

“މީ އަހަރެމެން ދެމަފިރިންގެ ކަމެއް!” ސާޖިދު ވެސް ދުލެއް ނުކުރެއެވެ.

މަންމައާއި ސާޖިދުގެ ބަހުގެ ހަމަލާތައް އިތުރުވަމުން ދިޔަވަރަކަށް، މުނިޔާގެ ކަންބޮޑުވުމާއި ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އޭނާއަށް ހުރެވުނީ ފަހަރަކު މީހެއްގެ މޫނަށް ބަލާށެވެ. ބުނަން ބޭނުންވެއެވެ. ހެޔޮނުވާނެއެވެ! ދެން ހުއްޓައިލާށެވެ! އަހަރެން މޮޔަވެދާނެއެވެ! އެހެންނަމަވެސް އެކަކާ ދިމާއަށް ވެސް އެއްޗެއް ބުނާނޭހައި ހިތްވަރެއް އެ ފަކީރަކަށް ނުލިބުނެވެ.

“ބޮޑުއަގުގައި އެންމެނަށް ޓިކެޓް ނެގީމައެއް ނޫން ތި ގޮތަށް ނިންމާން ވާނީކީ.”

“މަށެއް ޓިކެޓެއް ނުނަގަން! އަދި ނަގާކަށް ވެސް ނުބުނަން!” ފުރަތަމަ ފަހަރަށް، ވަސީމާއާ، ސާޖިދު ހަތަރުކަޅި ހަމަކުރިއެވެ.

“ތީ ހާދަ ގޮތެއް ނެތް މީހެކޭ! މަ ހީ ވެސް ނުކުރަން ތީ ތިހާ…”

“ތީ ވެސް ވަރަށް ގޮތެއް ނެތް އަންހެނެއް.” ސާޖިދުގެ އަޑު ވެސް މަޑެއް ނޫނެވެ.

“ސާޖިދު! ޕްލީޒް!” މުނިޔާއަށް ރޮވިއްޖެއެެވެ. އޭނާ ދުވެފައި ގޮސް ސާޖިދުގެ ކުރިމައްޗަށް ހުއްޓުނެވެ. “ހެޔޮނުވާނެ ސާޖިދު! ހުއްޓާލަބަލަ! ތިހެން ނޫޅެބަލަ!”

“ނުހުއްޓާނަން!” ސާޖިދު ކެކިގަތެވެ. ފުންމައިގެން ތެދުވިއެވެ.

“އެއީ މަގޭ މަންމައޭ!”

“މަންމައަށް ޖެހޭތަ މަށާ ޒުވާބުކުރަން!” ސާޖިދު ތުރުތުރުއަޅައެވެ.

“މުނިޔާ! ހަމަ މިހާރު ތި ތަނުން ނިކުމެގެން އާދޭ!” އައި ރުޅީގައި، މުނިޔާއަށް އަމުރުކޮށްފައި، ހަރު ހިނގުމެއްގައި ވަސީމާ ހިނގައްޖެއެވެ.

ވަސީމާ ދިޔުމާއެކު މުނިޔާއަށް ބާރަށް ރޮއިގަނެވުނެވެ. އޭނާ ސާޖިދުގެ ދެ ފައި ކައިރިއަށް ތިރިވިއެވެ. ދެފައިގައި ހިފައި އާދޭސްކުރަންފެށިއެވެ. މުނިޔާ ބުނަން ބޭނުންވިއެވެ. ސާޖީއެވެ! ހެޔޮނުވާނެއެވެ! ތިހެން ނޫޅޭށެވެ! ތީ ހާދަ ރަނގަޅު ފިރިއެކެވެ. ހާދަ އޯގާވެރި ފިރިއެކެވެ. އަހަރެން ދެރަވާ ކަހަލަ ކަމެއް ދުވަހަކު ވެސް ނުކުރަމު ނޫން ހެއްޔެވެ؟ އަހަރެންގެ އުފަލަކީ ސާޖީގެ ވެސް އުފަލެއް ނޫން ހެއްޔެވެ؟ ސާޖީއެވެ! އާދޭސްކޮށްފައި ބުނަމެވެ! އަހަރެން ދެރަ ނުކުރާށެވެ! އަހަރެންގެ ހިތަށް ރަހުމުކުރާށެވެ! ސާޖީއާ ވަކިން މާލެ ގޮސް އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ސާޖީ ދެކެ ހާދަ ލޯބިވެއެވެ.

މުނިޔާ ރޮވިފައި އިންދާ، އިރުކޮޅަކުން ފެނުނީ ވަސީމާ އައިސް ކޮޓަރިއަށް ވަންތަނެވެ. އޭނާ ހުރީ އަދިވެސް އަށްޑިހައިގައެވެ. އެ އައިގޮތަށް އައިސް މުނިޔާގެ އަތުގައި ހިފިއެވެ. ހަމަ މިހާރު މި ތަނުން ހިނގާށޭ ކިޔައި، މުނިޔާ ގޮވައިގެން ހިނގައިގަތެވެ.

“އެންމެ ހިނދުކޮޅަކު ވެސް މިގޭގައި، ކަލޭ މަޑުކުރާކަށް އަހަރެން ނުރުހެން!” ސާޖިދާ ދިމާއަށް ވަސީމާ ލޯ ވަށްކޮށްލީ، ދުވަހަކު ވެސް ހިތްހެވެއް ނުވާނެއޭ ބުނާ ފަދަ ގޮތަކަށެވެ.

“ނޫން! މަންމާ! ނޫން!” ވަސީމާގެ އެ ޖުމުލައާއެކު، މުނިޔާއަށް ރޮއިގަނެވުނެވެ. ކަރުނައިން ފޯވެފައިވާ ދެ ލޮލުން ސާޖިދާ ދިމާއަށް ބަލައިލެވުނެވެ. އޭރު ސާޖިދު އެނދުން ތެދުވަނީއެވެ. ރޮއިރޮއި ހުރި މުނިޔާގެ އަތުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް ވަސީމާ އޭނާ ގެންގޮސްފިއެވެ.

“މަންމާ! ކޮންތާކަށް ތި ދަނީ؟” ވަދީފާ ގެއިން ނިކުންނަތަން ފެނުމުން، ސަނާ މަޑުމަޑުން އަހައިލިއެވެ.

“މި އަންނަނީ ފިހާރައަކަށް ގޮސްލައިފަ.” ވަދީފާ އެނބުރި ސަނާގެ މޫނަށް ބަލައިލިއެވެ. އޭނާގެ ދެ ލޮލުން އަދި ވެސް ރަތްކަމެއް ނުކެނޑެއެވެ. ހިތާމައަކަށް ލުޔެއް ނުލިބެއެވެ. ސަލީމް ހައްޔަރުކުރި ދުވަހުން ފެށިގެން، އެ ދެ ލޮލުން އޮހޭ ކަރުނައަކަށް ބަދަލެއް ނާދެއެވެ. ދަރިންކޮޅު ވެސް އުޅެނީ އެ ފަދަ ހާލެއްގައެވެ. ގެއިން ބޭރަކަށް ނުދެއެވެ. ރައްޓެހި ކުދީންނާ ދުރުހެލި ވެއްޖެއެވެ. ކެއިން ބުއިން މަދުވެއްޖެއެވެ. އުފާވެރިކަން ވަޅުޖަހައިފިއެވެ.

“އެހެން ތާކަށް ނުދައްޗޭ މަންމާ!” ވަދީފާ ހިނގައިގަތުމުން ސަނާ ބުންޏެވެ.

ސަނާ އެހެން އެ ބުނީ ކީއްވެގެންކަން ވަދީފާއަށް އެނގެއެވެ. އޭނާ ގެއިން ބޭރަށް ނިކުންނާކަށް ސަނާއާއި ސާމިން މިހާރު އެއްގޮތަކަށް ވެސް ނޭދެއެވެ. އިއްޔެ ދިމާވި ކަމެއްގެ ސަބަބުން، އެ ކުދިން ބިރުގަންނަނީއެވެ. އިއްޔެ އޭނާ ގެއިން ނިކުތީ، ގޭގައި އިނދެ މާ ބޮޑަށް ބޯ ހާސްވާތީ، ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އޭނާ ދިޔައީ، ރަށުގެ އަންހެންވެރީން ދުވާލުގެ ވަގުތުތަކުގައި ވައި އަނގަ ތަޅާށާއި އެކިއެކި މަސައްކަތް ކުރާން ގޮސް ތިބޭ، ބޮނޑު ހިރުނދުގަސްދޮށަށެވެ. އެ ހިސާބުގައި ދިރިއުޅޭ ވަރަށް ގިނަ އަންހެންވެރިންގެ ދުވާލުގެ ގިނަ ވަގުތުގެ މައިޒާނަކީ، އެ ގަސްދޮށެވެ.

އެ ގަސްދޮށަށް ޖަމާވާ އެންމެންނަކީ، ވަދީފާގެ ވެސް ގާތް އެކުވެރީންނެވެ. އެކި ގޮތްގޮތުން ވަދީފާގެ ފުށުން އެހީތެރިކަން ލިބިފައި ތިބި މީހުންނެވެ. އެހެންކަމުން އޭނާ ޔަޤީންކުރީ، މި ކަހަލަ ހާލަތެއް ކުރިމަތިވުމުން، އެ މީހުގެ ކިބައިން ހިތްވަރުގެ ބަހެއް ލިބޭނޭ ކަމަށެވެ. ހިތާމަތަކަށް ފަރުވާއަކަށް ވާ ފަދަ ޖުމުލައެއް އިވޭނޭ ކަމަށެވެ. ކަން ވީ ވެސް އެހެންނެވެ. އެ ތަނުގައި ފަސް މީހަކު ތިބިއިރު، ތިން މީހުންގެ ކިބައިން އިވުނީ ހަމްދަރުދީގެ ބަސްތަކެވެ. ސަލީމަށް ކުރީ ތަޢުރީފެވެ. އެ މީހުން ބުނީ އެ ފަދަ ކަމެއް ސަލީމު ނުކުރާނޭކަމަށެވެ. ވަދީފާ ބަހެއް ނުބުނެއެވެ. ހިތަށް ކުރަމުން ދިޔަ ފުން އަސަރެއްގެ ބޮޑުކަމުން، ފެންކަޅިވެފައި އިނީއެވެ.

“ކަލޭމެންނަށް ހީވަނީތަ ބޮޑު ތުނބުޅިއެއް ބަހައްޓާފައި ހުންނަ ކޮންމެ މީހަކީ، މާ މާތް މީހެއް ކަމަށް. އޭނަ އެ އުޅެނީ ހަމަ އެ ކަން ކޮށްގެންނޭ މަ ބުނާނީ.” އެއްޗެއް ނުބުނެ ތިބި ދެ މީހުންގެ ތެރެއިން، ހަރީރާ ތަންކޮޅެއް ބާރަށް ބުންޏެވެ.

“ހަރީރާ!” ހަރީރާއަށް ގޮވައިލިއިރު، ފަޒީލާގެ ބޮޑުވެފައި ހުރި ދެ ލޯ ހުއްޓިފައި ހުރީ ވަދީފާއާ ދިމާއަށެވެ. “ތި ކަހަލަ އެއްޗެހި ބުނާކަށް ނުވާނެއެއްނު!”

“ކަލޭމެން ވަދީފާގެ ކުރިމަތީގައި މާ ހިތްހެޔޮކަމަށް ހެދިގެން ދެފުށްކެހެރި ވިޔަސް، މަ ބުނާނީ މަގޭ ހިތުގައި އޮންނަ ގޮތަށް.” ހަރީރާގެ ނަޒަރު ހުއްޓިފައި ހުރީ، އޭނާ މަށަން އިން މުރަނގަތޮޅި ދޮލަނގަށެވެ.

“ހަރީރާއަށް ހަމަ ސާބަސް! ކިޔައިފަ ނުކިޔާނެ އެއްޗެއް ނޭނގިގެންތަ ތި އުޅެނީ؟” ހަރީރާގެ ވާހަކަ ފާތުމަތަކަށް ވެސް ކަމަކު ނުދިޔައެވެ.

“އެހެންވިއްޔާ ފާތުމަތަށާ ފަޒީލާއަށާ ޖަމީލާއަށް ވެސް، ދެވެން އޮތީ ހަމަ ސާބަސް! އާ އެހެންޏަ! އިއްޔެ ވެސް ކަލޭމެން ވިއްޔަ މިތާ ތިބެގެން ކީ، ސަލީމަށް ރަށަށް ނައިސް އެހައި ގިނަ ދުވަހު އެ ހުރެވެނީ، ކޮންމެވެސް ގަނޑެއް ގަންނާތީއޭ. އޭގެ ނަތީޖާއޭ އޭނާއަށް އެ ފެނުނީ. މިއަދު މިތާ ވަދީފާ އިނީމަ، ތި ކިޔަނީ ސަލީމަކީ ހުދުކާފޫރުކޮޅެކޭ. ދެ އަނގަ ނުގެންގުޅެބަލަ! މަ އިއްޔެ ވެސް ބުނި ވާހަކަ މިއަދު ވެސް މި ބުނީ. ބޭރުން ބަލާފައި ކުކުޅު ބިހުގެ އެތެރޭގެ ހާލަތެއް ނޭނގޭނެ.”

ވާހަކަ މިހައި ހިސާބަށް ދިޔައިރު، ވަދީފާއަށް ރޮވިއްޖެއެވެ. އޭނާއަށް އެ ތަނުގައި އިންނާކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އެ ތަނުން ތެދުވެގެން، ބާރުބާރަށް ގެއާދިމާއަށް ހިނގައިގެންފިއެވެ. އޭރު އޭނާގެ ދެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުންދެއެވެ. އޭނާ ބޭނުންވަނީ ގެއަށް ގޮސް ހިތްފުރޭންދެން ރޮއިލާށެވެ.

“ތިހެން އިނދެގެން ރުއީމަ ވޭތަ؟ ދެން ތި ރުއިން ހުއްޓާލައިފައި އަވަސްކޮށްބަލަ!” މުނިޔާގެ ކޮޓަރީ ދޮރު ހުޅުވާލައިފައި ވަސީމާ މިހެން ބުނި އަޑަށް މުނިޔާ ބަލައިލިއެވެ. އޭރު ވަސީމާ ހުރީ ފުރަން ދާން ތައްޔާރުވެގެންނެވެ. ކޮނޑުގައި އަތް ދަބަސް އަޅުވާލައިގެންނެވެ. ވަސީމާގެ ފަހަތުގައި ނިޔަމް ވެސް ހުއްޓެވެ. އޭނާ ވެސް ހުރީ ތައްޔާރުވެގެންނެވެ. “އެއް ގަޑި ބައިގަ ޗެކިން ފެށޭނެ. މިހާރު އެހެރަ އެކެއް ޖަހަނީ.” ވަސީމާ ގަޑި ދައްކާލިއެވެ.

ވަސީމާ ދިޔުމުން، މުނިޔާ ދެ ލޯ ފޮހެމުން ގޮސް ފާޚާނާއަށް ވަނެވެ. އޭނާ ދެރަވަނީ، ސާޖިދު ދިޔަ ތަނެއް ނޭނގޭތީއެވެ. ގުޅާގުޅާ ފޯނު ނުނެގީމައެވެ. އެންމެ ފަހުން ފުރައިގެން ދާން މި ޖެހުނީ، ލޯބިވާ ފިރިމީހާާއާ ބައްދަލު ނުވެއެވެ. ފެނިލުމުގެ ނަސީބު ވެސް ނުލިބިއެވެ. އަނެއްކާ ވެސް މުނިޔާއަށް ރޮވޭގޮތް ވެއްޖެއެެވެ.

ޑިންގީއަށް އެރި އިރުވެސް، މުނިޔާގެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. އޭނާ އަވި އަައިނު އެޅީ، ރަތްވެފައިވާ ދެ ލޮލާއި އެ ދެ ލޮލުގައި ހުރި ތެތްެކަން، ދައްކަން ބޭނުން ނުވާތިއެވެ. ޑިންގީއަށް އެރީއްސުރެ، އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ރަށާ ދިމާއަށެވެ. އޭނާ ރަށުގެ އެކި ދިމަދިމާއަށް ކަޅި ހިންގަމުން ގެންދިޔައެވެ. ސާޖިދުގެ ހިޔަނި ނަމަވެސް ފެނޭތޯއެވެ. އެހެންނަމަވެސް ކާޑެއްދޫ ބަނދަރަށް ލޯންޗު ވަނީ، އޭނާއަށް އެ ނަސީބު ލިބުމުގެ ފުރުސަތު ނުދީއެވެ.

“ފުރުސަތު ނުދިނީއެކޭ ނުބުނެވޭނެ! ފުރުސަތުގެ ބޭނުން ނުކުރީ.” ސާޖިދާ ދިމާއަށް ބަލަހައްޓައިގެން އިނދެ، ވަގުތުން މޫސަ ބުންޏެވެ. އޭރު އެ ދެ މީހުން ތިބީ، މޫސަމެންގޭ ބޮނޑު އުނދޯލީގައެވެ. “ކިހާވަރަކަށް އަހަރެން ބުނިން ހިނގާށޭ ފުރާތަނަށް ޖައްސާލަން. ސާޖިދު ނުދިޔައީނު. ދެން ތި ވާހަކަ ދައްކާނެކަމެއް ނެތް.”

ސާޖިދަށް ހަމަހޭވެރިކަން ވީ ދާދި ދެންމެއަކުއެވެ. ހެދުނު ގޯހާއި އެޅުނު ޅައެތި ވިސްނުނީ، ވަގުތު ފާއިތުވި ފަހުންނެވެ. މުނިޔާމެން ފުރައިގެން ދިޔަ ފަހުންނެވެ. ވަސީމާ އޭނާ ގެއިން ނެރުނީ، ޒުވާބުކުރީމައެވެ. އަދަބެއް ސަދަބެއް ނެތި، ހިތުހުރިހައި އެއްޗެއް ކީމައެވެ. މުނިިޔާއަށް އަނިޔާވެރިވީމައެވެ. މިހާރު އޭނާ އެކަން ގަބޫލުކުރެއެވެ. އެހެންނަމަވެސް އޭރު އެ ކަން ކުރެވުނީ، ހަމަ ވިސްނުމުން އެއްކިބާވެ ހުރެގެންނެވެ. އޭނާއަށް ވެފައި ހުރި ގޮތް އޭނާއަށް ވެސް ބުނެދޭކަށް ނޭނގެއެވެ.

“ކީއްވެގެންބާ އަހަންނަށް އެ ގޮތަށް ކަންތައް ކުރެވުނީ؟” ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ސާޖިދަށް ހިފުނެވެ. “މުނިޔާ ހާދަ އާދޭހެއް ކުރިއޭ. ހާދަ ވަރަކަށް ރުޔޭ!” ސާޖިދުގެ އަޑު ތުރުތުރުއަޅަން ފެށިއެވެ. “އެކަމަކު އޭރު އަހަންނަކަށް ނުވިސްނުނު، މި ހެދެނީ ގޯހެއް ކަމަކަށް. އަހަންނަކަށް ނޭނގެ، އަހަންނަށް ވެފައި ހުރީ ކިހިނެއް ކަމެއް ވެސް.” ސާޖިދުގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ.

“ތީ ދެން އެއްވެސް ވާހަކައެއް ނޫން! މީގެ އިރުކޮޅެއް ކުރިން ވެސް ކިހައި ވަރަކަށް މުނިޔާ ގުޅި. ސާޖިދު ހަމަ ހިލަހެދިފައި އިނީނު!” ސާޖިދު ދައްކާ ވާހަކަ، މޫސައަކަށް ގަބޫލެއް ނުކުރެވުނެވެ.

“އަހަރެން ބޭނުން މާލެ ދާން! ޓިކެޓެއް ލިބޭތޯ ބަަލައިދޭންވީނު!” މޫސައާ ދިމާއަށް ސާޖިދު ބަލައިލީ، ކަރުނައިން ތެމި ފޯވެފައިވާ ދެ ލޮލުންނެވެ.

“ހިޔެއް ނުވޭ ލިބޭނެ ހެނެއް!” ޖީބުގައި އޮތް ފޯނު މޫސަ ނެގިއެވެ. “ވަރަށް ބާރު ބޮޑު ދުވަސްކޮޅެއް މީ.” ފޯނުން ގުޅަމުން، މޫސަ ނިކުތީ ބޭރަށެވެ.

ޖީބުން ފޯނު ނަގައި ސާޖިދު ބަލައިލިއެވެ. ތޭވީސް ފަހަރު މުނިޔާ ގުޅާފައި އޮތެވެ. ބާރަ މެސެޖު ފޮނުވާފައި އޮތެވެ. ސާޖިދު ވަކިވަކިން ފަހަރަކު މެސެޖެއް ކިޔަން ފެށިއެވެ. އެެއިން ކޮންމެ މެސެޖެއްގައި ވެސް ލިޔެފައި އޮތީ، ސާޖިދުދެކެ އޭނާ އިންތިހާއަށް ލޯބިވާ ވާހަކައެވެ. ސާޖިދާ ނުލައި ދިރި ނޫޅެވޭނެ ވާހަކައެވެ. ރުޅި މަޑުކޮށްފައި ފޯނު ނަގަން އާދޭސްކޮށްފައެވެ. އެންމެ ފަހަރަކު ނަމަވެސް، ފެނިލަން ބޭނުންވާ ވާހަކަ ބުނެފައި އޮތެވެ. ފުރާތަނަށް އައިސް ދިނުމަށް އާދެސްކޮށްފައި ވެއެވެ.

މެސެޖުތައް ކިޔަމުން ދިޔަ ވަރަކަށް ސާޖިދުގެ ދެ ލޮލުން އޮހޭ ކަރުނަ އައީ އިތުރުވަމުންނެވެ. އެންމެފަހުން އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭނާ އަމިއްލަ ނަފުސަށް ބުނަންފެށިއެވެ. އަހަރެންގެ ސަބަބުން މުނީއަށް ހާދަ އަނިޔާއެއް ދެވިއްޖެއެވެ. ހާދަ ހިތްދައްޗެއް ކުރެވިއްޖެއެވެ. އެ ފަދަ ހެޔޮ ރަނގަޅު އަނތްބަކު ހިތުގައި ޖައްސަން ހެޔޮވާނެ ހެއްޔެވެ؟ އޭނާ އެދުނު އެއްވެސްކަމެއް އަހަންނަކަށް ނުކޮށްދެވުނެވެ.

ފޯނަށް ބަލަން އިރުކޮޅަކު އެހެން އިނދެފައި، ސާޖިދު ދެ ލޯ ފޮހެލިއެވެ. އެއަށްފަހު މުނިޔާގެ ނަންބަރަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއެކު މުނިޔާ ފޯނުނެގިއެވެ. ހީވީ ސާޖިދުގެ ކޯލެއްގެ އިންތިޒާރުގައި، ވަގުތު ގުނައިލަގުނައިލައި އިންހެނެވެ. އޭރު އޭނާ އިނީ، ޗެކިން ނިންމާފައި، ގިމަތައަށް ވަދެއެވެ. މަންމައާ ޖެހިގެން ހުރި ގޮނޑީގައެވެ.

“މުނީ.” ސާޖިދުގެ އަޑު ތުރުތުރު އަޅައެެވެ.

ސާޖިދުގެ ހިތާމައިން ފޯވެފައިވާ އަޑު ކަންފަތުގައި ޖެހުމާއެކު، މުނިޔާ އަވަސް އަވަހަށް ތެދުވިއެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ހިނގައިގަތީ ދުރަށެވެ.

“ސާޖީ!” މުނިޔާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން، ވަގުތުން ދެ ލޯ ފުރުނެވެ.

ސާޖީއޭ ގޮވާލި އަޑު ވަސީމާގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު، ވަގުތުން ބަދަލުވެގެން ދިޔައެވެ. ނުރުހުމާއި ރުޅިވެރިކަން އެ މޫނު ޙިޞާރުކޮށްފިއެވެ.

ފަސްވަރަކަށް މިނެޓް ސާޖިދާ ވާހަކަ ދައްކަން ހުރެފައި، މުނިޔާ އެނބުރި އަތުވެއްޖެއެވެ. އޭނާ އައިސް ވަސީމާގާތުގައި ހުއްޓެލި ގޮތުން ވެސް، ވާހަކައެއް ބުނަން ބޭނުންވެއްޖެކަން އެނގުނެވެ.

“ސާޖިދޭ ކިޔައިގެން ބުނާ އެއްވެސް ވާހަކައެއް އަޑުއަހާކަށް މަށެއް ބޭނުމެއް ނޫން!” ދުރަށް ބަލަހައްޓައިގެން އިނދެ، ވަސީމާ ވަގުތުން ބުންޏެވެ.

މުނިޔާގެ ބަސް ހުއްޓުނެވެ. ހަރަކާތްތައް މަޑުޖެހުނެވެ. އޭނާ ބުނަން ބޭނުންވީ، ސާޖިދު މާލެދާން ބޭނުންވި ވާހަކައެވެ. ސާޖިދަށް ނެގި ޓިކެޓް ކެންސަލް ކުރީތޯ އަހާށެވެ. އެހެންނަަމަވެސް އެއިން އެއްވެސް ވާހަކައެއް ބުނާކަށް ނުކެރުނެވެ. އެ ހުރިގޮތަށް މަންމަ ގާތުގައި ކޮޅަށް ހުރެވުނީއެވެ. ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުން، ގުޑުމެއް ވެސް އަރުވައި ނުލެވިއެވެ. އެހެން ހުއްޓާ އަނެއްކާ ވެސް ސާޖިދު ގުޅައިފިއެވެ. މުނިޔާ އަަވަސް އަވަހަށް ފޯނު ހިފައިގެން ދުރަށް ހިނގައިގަތެވެ.

“މުނިޔާ!” ވަސީމާގެ އަޑަށް މުނިޔާ ހުއްޓުންއެރިއެެވެ. “މިތާ އައިސް އިށީނދޭ! ތި ފޯނު ނަގައިގެން ނުވާނެ!”

އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އަޅާނެ ހިތްވަރެއް މުނިޔާއަކަށް ނުލިބުނެވެ. ފޯނު ކެނޑުނު އިރު ވެސް ނަގާކަށް ނުކެރުނެވެ. ޖެހުނީ ހިތާ ދެކޮޅަށް ވިޔަސް، ކިޔަމަންތެރިކަމާއެކު އެނބުރި އައިސް، މަންމަގާތުގައި އިށީންނާށެވެ. ސާޖިދު ތަކުރާރުކޮށް ގުޅަން ފެށުމުން، އެންމެފަހުން ފޯނު ނިއްވާލީއެވެ.

މުނިޔާ ރޯކަން ވަސީމާއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ އަޅައެއް ނުލައެވެ. ބަލައި ވެސް ނުލައެވެ. ދުރަށް ބަލަހައްޓައިގެން އިން ގޮތަށް އިނީއެވެ. އެ ކަމާ ކަންބޮޑުވީ، ވަސީމާގެ އަނެއް ފަރާތުގައި، މި މަންޒަރު ދެކޭން އިން ނިޔަމްއެވެ. އޭނާގެ ހިތަކަށް ކެތެއް ނުވިއެވެ. ތެދުވެގެން މުނިޔާއާ ދިމާއަށް ހިނގައިގެންފިއެވެ. ޖެހިގެން ހުރި ގޮނޑީގައި އިށީނދެ، މުނިޔާގެ ބުރަކަށީގައި ފިރުމައިލިއެވެ. ދޮންތާއޭ ނުރޯށޭ ހިތްވަރުކުރާށޭ ބުނަމުންނެވެ. އެ ވަގުތު މުނިޔާގެ ހިތަށް ކުރި އަސަރު ވަކިން ބޮޑުވިއެވެ.

ވަސީމާމެންނަށް ގެއަށް އާދެވުނުއިރު، ހަވީރު ހަތަރު ގަޑި ބައިވެ ބޮޑުވެއްޖެއެވެ. ގެއަށް އައިގޮތަށް މުނިޔާ ވަނީ ކޮޓަރިއަށެވެ. ކޮޓަރި އޮތީ ވަރަށް ރީތިކޮށް ސާފުކޮށް، ތަންމަތި އަޅާފައެވެ. އެއީ ބައްޕަގެ މަސައްކަތެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ސާޖިދަށް ގުޅާށެވެ. ފޯނު ނަގައި އޮންކޮށްލިއެވެ. އެއަށްފަހު ވަގުތުން ސާޖިދަށް ގުޅިއެވެ. ގިނަ އިރުތަކެއް ނުވެ، ސާޖިދު ފޯނު ނެގިއެވެ. ވީ ގޮތް މުނިޔާ ކިޔައިދިނެވެ. އެ ކަމަކާ ސާޖިދު ބަރު ބަހެއް ވެސް ނުބުނެއެވެ. ޙަޤީޤީ ސާޖިދަކީ އެއީއެވެ.

މުނިޔާއަށް ސާޖިދު ދިނީ ވަރަށް އުފާވެރި ޚަބަރެކެވެ. މާދަމާ ހެނދުނުގެ ފްލައިޓުން މާލެ ދާ ވާހަކައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން މުނިޔާއަށް އެނދު ހުރަހަށް އޮށޯވެލެވުނެވެ. ލޯ މަރައިލެވުނެވެ. ވަރަށް ލޯބިވެއޭ ބުނެލެވުނެވެ.

“ދެން ދުވަހަކު ވެސް އަހަރެން ދެރަވާ ކަހަލަ ކަމެއް ނުކުރައްޗޭ!” މުނިޔާއަށް މަޑުމަޑުން ބުނެލެވުނެވެ.

“މީހަކު ދެރަކުރަން މަ ކީއްތަކުރީ؟” ފައިސަލާއި ވަސީމާ ތިބީ ކޮޓަރީގައެވެ. ވަސީމާގެ މޫނުމަތިން ފެންނާން ހުރީ ނުރުހުމެވެ. “ފައިސަލަށް އެނގޭނެ އަހަރެން މި ރޭ ހުންނާނީ ވަރަށް ވަރުބަލިވެފައިކަން. ދެން ކޮން ފާޑަކަށްތަ ތި އުޅެނީ؟”

“ވަރުބަލި ވިޔަސް ނުވިޔަސް ވަސީމާ ބޭނުންވާނީ ނިދަން. ތީ މަށަކަށް އާ ކަމެއް ނޫން!” ފައިސަލް ވެސް ހިތްހަމަނުޖެހުނެވެ.

“ދެން ކޮންކަމެއްތީ؟ މިހާރު މި ތިބީ ދުނިޔެ އުޅެ މުސްކުޅިވެފައޭ. މުސްކުޅިން އުޅޭހެން ފައިސަލް ވެސް އުޅެބަލަ!” ވަސީމާ އަނެއް ފަރާތަށް އެނބުރި، ކަންނޭލުގައި ބައްދާލަމުން ލޯ މަރައިލިއެވެ.

ފައިސަލް އަނގައަކުން ނުބުނެއެވެ. ދެ ލޯ ބޮޑުކޮށްގެން އޮވެވުނީއެވެ. ހިތަށް އުނދަގޫވެފައެވެ. ނިދިނައިސްފައެވެ. އިރުކޮޅަކުން އިވެންފެށީ ވަސީމާގެ ގުގުރީގެ އަޑެވެ. އެ އަޑު އިވުމާއެކު، ހިތްދަތިގޮތަކަށް ފައިސަލަށް ލޯ މަރައިލެވުނެވެ.

ގަޑިން ބާރަޖެހުމާއެކު ކޮޓަރީގައި ހުރި ބޮކި ކުއްލިއަކަށް ނިވިއްޖެއެވެ. މުޅި ކޮޓަރިއަށް އަނދިރީގެ ކަޅުކަން ވެރިވެއްޖެއެވެ. ފައިސަލަށް ފުންމައިގެން ތެދުވެވުނެވެ. ފަންކާ ނިވި، ކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ފައިސަލްގެ ހިތް ބާރުބާރަށް ތެޅޭންފެށިއެވެ. އަނދިރީގެ ކަޅު ފަރުދާއިން ކަނުބަނދެފައިވާ ފައިސަލް އިނީ، ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި ހިންގަހިންގައެވެ. އޭނާއަކަށް އެއްވެސް އެއްޗެއް އެއްވެސް ތަނެއް ނުފެނެއެވެ. ކަންފަތަށް ވަންނަމުން ދާ ވަސީމާގެ މަޑުމަޑު ގުގުރީގެ އަޑު، އޭރު އޭނާއަށް އިވެނީ ބިރުވެރި މަޚުލޫޤެއްގެ ނާމާން އަޑެއްގެ ގޮތުގައެވެ. އޭނާގެ ހިތުގައި ޖެހެމުން ދިޔަ ބިރުވެރި ރަނގަބީލުގެ އަޑު ބާރުކުރަމުން އަވަސްކުރަމުން ގެންދިޔައީ، ރޭ އޭނާއަށް ދިމާވި ބިރުވެރި ހާދިސާއެވެ. ސަލީމުގެ ސިފައިގައި އައިސް، އޭނާއަށް ގޯނާކުރި ރޫހާނީ ސޫރައެވެ.

ކުއްލިއަކަށް ވަސީމާގެ ގުގުރީގެ އަޑު ކެނޑިއްޖެއެވެ. ނޭވާގެ އަޑު ހުއްޓިއްޖެއެވެ. އޭނާއަށް އަވަސްއަވަހަށް އެނބުރި، ވަސީމާ އޮތް ދިމާއަށް ބަލައިލެވުނެވެ. ވަސީމާއެއްް ނުފެނެއެވެ. އޭނާ އޮތްކަމެއް، ނެތްކަމެއް ވެސް ނޭނގެއެވެ. އަނެއްކާ ވަސީމާއަށް ކަމެއް ވީ ބާވައެވެ؟ ކުއްލިއަކަށް އޭނާގެ ނޭވާ ހުއްޓުނީ ކީއްވެ ބާވައެވެ؟ ރޭ ފައިސަލްގެ ކަރުގައި ހިފި ގޮތަށް، އެ ރޫޙާނީ މަޚުލޫޤު އައިސް، ވަސީމާގެ ކަރުގައި ހިފީ ބާވައެވެ؟ ނޭވާ ހުއްޓުވާލީ ބާވައެވެ؟ ފައިސަލްގެ ހިތުގެ ތެޅުން ހަލުއިވިއެވެ. މުޅި ގައިން ދާހިއްލަން ފެށިއެވެ.

ވަސީމާ އޮތް ދިމާއިން އެނދަށް ކޮންމެވެސް ކަހަލަ ހަރަކާތެއް އަތުވެއްޖެކަމުގެ އިހުސާސެއް ފައިސަލަށް ކުރެވިއްޖެއެވެ. އެއާއެކު އޭނާގެ ކަންފަތުގައި ޖެހުނީ، އެނދުގައި އެއްޗެއް ކޭތޭ އަޑު ކަހަލަ އަޑެކެވެ. އިރުކޮޅަކުން ފައިސަލްގެ ބުރަކަށީގައި ކޮންމެވެސް އެއްޗެއް ޖެހިއްޖެއެވެ. ޖެހުނު ގޮތުން ވެސް އެއީ އަތެއްކަން ކަށަވަރުވިއެވެ. ބިރުން ރޫރޫ އަޅައަަޅައި އިން ފައިސަލަށް ލިބުނު ސިހުމާއެކު، ވަގުތުން އެނދުން ފުންމައިލެވުނެވެ. ދުއްވައިގަނެވުނީ އެނދާ ދުރަށެވެ. ކޮންމެވެސް ވަރެއްގެ އަޑެއް ވެސް އެ ވަގުތު ކަރުބުޑުން ނިކުތެވެ.

“ފައިސަލް!” ފައިސަލްގެ ކަންފަތުގައި ޖެހުނީ ވަސީމާގެ އަޑެވެ. “ކޮން ހަޅޭކެއް ތި ލަވަނީ؟ ކޮންކަމަކާތަ ތި ދުވަނީ؟ ކޮބައިތަ މަގޭ ފޯނު؟”

ވަސީމާ ސަލާމަތުން އޮތްކަން އެނގުމާއެކު، ފައިސަލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް އޭނާ އަދިވެސް ހުރީ ދުރުގައެވެ. ހިރިލާން ވެސް ނުކެރިފައެވެ. އެހެން ހުއްޓާ ކޮޓަރިއަށް ވެރިވެފައިވާ އަނދިރީގެ ފަރުދާ ހިއްލާލައިފިއެވެ. ވަސީމާގެ ފޯނުގެ އަލިންނެވެ.

“ކަރަންޓު ގޮއްސައެއްނު މި އޮތީ.” ފޯނުން އަލިކުރަމުން، ވަސީމާ އެނދުން ފޭބިއެވެ.

ވަސީމާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ފަހަތުން ފައިސަލް ހިނގައިގަތެވެ. ދެ މީހުން ކޮޓަރިން ނިކުތެވެ. ގޭގެ އެއްވެސް ދިމާއެއްގައި އަލިކަމެއް ނެތެވެ. ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. ފަންޏެއް ހިރިލާ އަޑު ވެސް ނީވެއެވެ.

“މަށަށް ހީވަނީ މުޅި މާލެއިން ކަރަންޓް ދިޔައީ ހެން. އަޅެ ގޮސް ބޭރު ބަލައިލަބަލަ!”

ފައިސަލް ހިނގައިގަތީ ބޭަރު ބަލައިލާށެވެ. އޭރު ވަސީމާ ހުރީ ނިޔަމްގެ ކޮޓަރި ކައިރީގައެވެ. އެ ވަގުތު ވަސީމާގެ ކަންފަތުގައި ފާޑެއްގެ އަޑެއް ޖެހުނެވެ. މާބުރެއްގެ އަޑު ކަހަލަ އަޑެކެވެ. ވަސީމާއަށް ކަންފަތް ކޮޅަށް ޖަހައިލެވުނެވެ. އިވެމުން އަންނަ އަޑާމެދު ސަމާލުވެލެވުނެވެ. އަޑު އަންނަނީ ނިޔަމްގެ ކޮޓަރިންނެވެ. ކޮޓަރިއާ ކައިރިވި ވަރަކަށް އަޑު ގަދަވާކަން ފާހަގަކުރެވުނެވެ. ވަސީމާގެ ހިތް ތެޅިގަތެވެ. ނިޔަމްގެ ކޮޓަރީގައި ކޮން ފަދަ ކަންތައްގަނޑެއް ހިނގަނީ ބާވައެވެ؟ އޭނާ އަވަސް އަވަހަށް ހިނގައިގަތީ ފައިސަލާ ދިމާއަށެވެ. އޭރު ފައިސަލް ބޭރު ބަލައިލާފައި ގެއަށް ވަންނަނީއެވެ.

“މިހިސާބަކު ނެތް ކަރަންޓެއް.”

“އައިސްބަލަ!” ފައިސަލްގެ ވާހަކައަށް އެއްޗެއް ނުބުނެ، އޭނާގެ އަތުގައި ހިފައިގެން ވަސީމާ ހިނގައިގަތީ، ނިޔަމްގެ ކޮޓަރިއާ ދިމާއަށެވެ.

“ކިހނެއްވީ؟” ފައިސަލް ހުރީ ވާނުވާ ނޭނގިފައެވެ.

“އަޑެއް އެބަ އިވޭތަ؟” ނިޔަމްގެ ކޮޓަރި ކައިރީއަށް ހުއްޓުމަށްފަހު ވަސީމާ އަހައިލިއެވެ. ކަންފަތް ސަމާލުކޮށްލަމުންނެވެ.

“ކޮން ކަހަލަ އަޑެއް؟” އިރުކޮޅަކު ހުރެފައި ފައިސަލް އަހައިލިއެވެ.

“ދެންމެ ވަރަށް ފާޑެއްގެ އަޑެއް އިވުނު! ނިޔަމްގެ ކޮޓަރިން އަޑު އައީ! އެކަމަކު މިހާރަކު ނީވޭ!”

“ތި ވާނީ ހީވި ގޮތަކަށް!” ފައިސަލް ބޭނުންވަނީ އެ ކަން، ކަމަކަށް ނަހަދާށެވެ. އެހެންނަމަވެސް އޭނާގެ ހިތް އޮތީ ތެޅިތެޅިއެވެ. ކަންބޮޑުވުން ނުދައްކަން އުޅުނަސް އެތެރެހަށި ރޫރޫލައެވެ.

ވަސީމާ ވެސް ބޭނުންވަނީ، އެއީ ހީވި ހީވުމަކަށް ވާށެވެ. ދަރިއަކަށް ދެރަގޮތެއް ދިމާވާކަށް އެއްވެސް މަޔަކު ބަފައަކު ނޭދޭނެއެވެ. އެހެންނަމަވެސް ވަސީމާގެ ހިތް ވެސް ވަނީ ބިރުވެރި ރާޅެއްގެ ހޮޅިދަށުގައެވެ. ރަށުން ވެސް ނިޔަމްއަށް ކަމަކާ ދިމާވިއެވެ. ކުރީ ރޭ ނިޔަމް ނިންދެވީ، އޭނާގެ ކޮޓަރީގައެވެ. އޭނާގެ އެނދުގައެވެ. އެހެންކަމުން އެ ރޭ ދިޔައީ އަމާންކޮށެވެ. އޭނާ ހީކުރީ މާލެއައިމަ އެ ކަމުން ސަލާމަތްވާނެ ކަމަށެވެ. އޭނާ ނިޔަމްއަށް ވިސްނައިދިނީ ވެސް އެ ގޮތަށެވެ.

“ދެން މި ތާ ތިބެނީތަ؟” ފައިސަލް ބޭނުންވަނީ ކޮޓަރިއަށް ދާން ކަންނޭނގެއެވެ.

“ހަމަ އަސްލު ވެސް މަށަށް ދެންމެ މި ކޮޓަރިން އަޑެއް އިވުނޭ. ނިޔަމްގެ ހާލެއް ނުބަލައި…”

ކަރަންޓު އައީ އެ ވަގުތުއެވެ. ކޮޓަރިތަކުން ފަންކާތައް އެނބުރެގަތް އަޑު އިވުނެވެ. ނިދާބޮކީގެ އެހީއާއެކު، ގޭތެރޭގައި ފަނޑު އަލިކަމެއް ފަތުރާލިއެވެ. ކައިރީގައި ހުރި އައިސްއަލަމާރި ހިނގައިގަތެވެ. ވަސީމާއާއި ފައިސަލްގެ ހިތަށް ލުޔެއް ލިބުނެވެ.

“ދެން ހިނގާ ކޮޓަރިއަށް!” ވަސީމާގެ އަތުގައި ފައިސަލް ހިފިއެވެ.

“މަޑުކޮށްބަލަ!”

ވަސީމާ ކުރިއަށް ޖެހިލިއެވެ. ބަދިގޭ ކަބަޑުގައި އޮތް ތަޅުދަނޑިފަތި ހިފައިގެން އައިސް ނިޔަމްގެ ކޮޓަރީ ތަޅަށް ތަޅުދަނޑި ޖަހައިލިއެވެ. ބިރުން ހުރެއެވެ. އަތުގައި ކޮންމެވެސް ވަރެއްގެ ތުރުތުރެއް ކުރިން އޭނާއަށް ވެސް ފާހަގަކުރެވުނެވެ.

ތަޅު ހުޅުވިއްޖެއެވެ. ވަސީމާ އިރުކޮޅަކު ހުރެފައި، މަޑުމަޑުން ކޮޓަރީ ދޮރު ހުޅުވާލިއެވެ. އެނދަށާއި ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި ހިންގައިލިއެވެ. ކޮޓަރިއަށް ވެރިވެފައިވާ ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން، ތަފާތު އެއްވެސްކަމެއް ނުފެނުނެވެ. ނިޔަމް އެނދުގައި އޮތެވެ. ހަރު ނިދީގައެވެ. ވަސީމާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މަޑުމަޑުން ކޮޓަރީ ދޮރު ލައްޕާފައި ހިނގައިގެންފިއެވެ.

މެންދުރު ކުރީގެ ވަގުތެވެ. ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި، ދެ ކޮޓަރީގެ ކުޑަ އެޕާޓްމަންޓެކެވެ. އެހައި ކުޑަ ސިޓީންރޫމެކެވެ. އައްޔާއި ވައި ވަންނާނެ ތަނަވަސް ޖާގައެއްނެތެވެ. ސިޓިންރޫމުގައި ހުރި ބޮތްކަށް މަސައްކަތުން ވީއްލޭނެ ތަންވަޅެއް ނުލިބެއެވެ. ސިޓީންރޫމުގެ އެއް ފަރާތުގައި ހުރި ދެ ދޮރުފަތްލީ ލަކުޑި ކަބަޑުމަތީގައި ހުރި ގޭސް އުނދުންމަތީގައި، ކެކިކެކި ހުރި އަލުވި ތެލިން އަރާ އާތްވާއި، ތަނަށް ވެރިވެފައިވާ އުދާސްއެކުވެ، ބޯ މަތީގައި އެނބުރިއެނބުރި ހުރި ފަންކާއަށް ވަނީ ނުތަކާފައެވެ. ސިޓިންރޫމު އެއްވަސްވެފައި ވަނީ، ކާތަކެތީގެ ވަހުންނާއި ނޭފަތަށް ތުރާކުރާ އެހެނިހެން ވަސްވަހުންނެވެ. އާސިމާ އިނީ މޭޒުދޮށުގައި ވަޅޯމަސް ގަނޑެއް ކޮށާށެވެ.

އިރުކޮޅަކުން ކައިރީގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. އާސިމާ ފޯނަށް ބަލައިލުމަށްފަހު ނެގިއެވެ. ފޯނު ނެގި އިރު ވެސް، އެ ކޮޅުން ފަށާނީ ކޮން ވާހަކައެއްކަން އޭނާއަށް އެނގެއެވެ.

“އާނ! ހަމަ ރަނގަޅަށް ތި އިވުނީ. އެއީ އަފާ.” އެ ކޮޅުން ސުވާލުކުރުމުގެ ކުރިން އާސިމާ ބުންޏެވެ. އަޑުގައި ހުރީ އާދައިގެ ގޮތެކެވެ.

“ކިިހިނެއްކިހިނެއް ހިނގިކަމެއް އެއީ؟” އެ ކޮޅުން ވާހަކަ ދައްކަމުން ދިޔައީ އާސިމާގެ އެކުވެރި ޒާހިރާއެވެ.

“މީހަކު މަރާލީނު. އެކަން އެ ނިމުނީނު ދެން.” އާސިމާގެ ޖަވާބު ވަރަށް ކުރެވެ.

“އެކަމަކު އާސިމާ! ކިހިނެއް ތި ވާހަކަ ދައްކަނީ؟ މި ދައްކަނީ އާސިމާއަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ މަރުގެ ވާހަކައޭ!”

“ބޮޑުދައިތަ ކިޔަސް، ކުޑަދައިތަ ކިޔަސް، މަރާނުލައި ކަމަށް ވާނެ؟”  އާސިމާ ޗޮކެއް ކަނޑައިލަމުން ތެދުވެ، އުނދުނާ ދިމާއަށް ހިނގައިގަތެވެ. “އަހަރެން ނުވާ ކަންބޮޑެއް، ޒާހިރާ ވެގެން ތި އުޅެނީ ކީއްވެ؟”

“އާސިމާ ބޭނުންވި ގޮތަށް ދޯ އެ ވީ؟” އެންމެ ފަހުން ނުބުނަން ހުރި ބަސް ޒާހިރާއަށް ބުނެވުނެވެ.

ޒާހިރާގެ އެ ޖުމުލައާއެކު އާސިމާގެ ބަސް ހުއްޓުނެވެ. އަތުގައި އޮތް ވަޅި އަތުން ދޫވެގެން ފައިބުޑަށް ޖެހުނެވެ. ދެ ލޯ ފެންކަޅިވިއެވެ. ހިންދިރުވައިލެވުނީ ހިތްދަތިކަމާއެކު، ވަރަށް އުނދަގުލުންނެވެ. ހިތަށް އެރިއެވެ. ކޮންމެ މީހަކު ވެސް ހީކުރާނީ އެހެން ކަންނޭނގެއެވެ.

“ދުނިޔޭގަ ކޮންމެ ކަމެއް ވާނީ އިންސާނާ ހިތް އެދޭ ގޮތަކަށް ނޫން!” އާސިމާގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. އޭނާ ޒާހިރާއާ ވާހަކަ ދައްކަންފެށިއެވެ. ދެ ލޮލުން ކަރުނަ އޮހެމުންދާ ހާލު، ހިތްދަތިކަމާ އެކުގައެވެ.

އަފާގެ މަންމައާއި އާސިމާއަކީ އެއްބަފައި ދެ ބޭންނެވެ. އަފާގެ އުމުރުން އެންމެ ފަސް އަހަރުގައި، މަންމަ ވަނީ މަރުވެފައެވެ. އެހައިތަނުން އަފާގެ ކަންކަމާ ހަވާލުވީ އާސިމާއެވެ. މަސްތުވާ ތަކެތީގެ މައްސަލައެއްގައި އަފާގެ ބައްޕަ ހުންނަނީ އުމުރަށް ޖަލަށްލާފައެވެ.

އާސިމާއާއި އޭނާގެ ފިރިމީހާ، ހަލީމް އުޅެނީ މާލޭގައެވެ. މައިންބަފައިންގެ ގެއިން ބަހައިގެން ހަލީމަށް ލިބުނު ބައިގައެވެ. އެ ދެމަފިރިންގެ ފިރިހެން ކުއްޖަކު ހުރެއެވެ. އަފާއަށްވުރެ އުމުރުން ދޮށީ ކުއްޖެކެވެ. ހަލީމަކީ ކަސްޓަމުގައި މަސައްކަތްކުރާ މަޖޫރީއެކެވެ. ދުވާލާއި ރޭގަނޑުން ބަޔެއްގައި އޭނާ އުޅޭނީ ގެއިން ބޭރުގައެވެ. މަދު ދުވަހެއް ފިޔަވައެވެ. ބައެއް ރޭރޭ މެންދަމުން އަލިވާ ފަހުން ވެސް ގެއަށް އާދެވެއެވެ.

މި ފަދަ ރެއެކެވެ. ހަލީމަށް އެ ރޭ ގެއަށް އާދެވުނުއިރު މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. އޭރު ގޭ އެންމެން ތިބީ ނިދާފައެވެ. އާދައިގެ މަތިން ފެންވަރާލައިގެން ނިދާން އޮށޯންނަން އުޅެނިކޮށް، ހަލީމުގެ ބޮލަށް ޝައިޠާނާ ސަވާރުވެއްޖެއެވެ. އޭނާއަށް ދެއްކީ އެންމެ އަށެއްކަ އަހަރުގެ ކުޑަކުޑަ އަފާއެވެ. ވަހުޝީކަމާއެކު އޭނާ ފުރަތަމަ ފަހަރަށް އަފާއާ ދިމާއަށް ބަލައިލި ރެއަކީ އެއީއެވެ.

އެ ރެއަށްފަހު ދަންވަރު ގެއަށް އާދެވޭ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް، ހަލީމްގެ އެ މުޑުދާރު އަމަލު ތަކުރާރުވާން ފެށިއެވެ. ކުޑަކުޑަ އަފާއަށް އެ ވާހަކަ އެއްވެސް މީހެއްގާތު ބުނާކަށް ނުކެރެއެވެ. އެހެންނަމަވެސް ނަފުސާނީގޮތުންނާއި ޖިސްމާނީ ގޮތުން އެ ކުއްޖާއަށް އައީ ގެއްލުން ލިބެމުންނެވެ. އަފާއަށް އަންނަމުން ދިޔަ ބަދަލުތައް މުދައްރިސުންނަށް ފާހަގަކުރެވުނެވެ. ކުލާހުގައި ހުއްޓުންއަރާފައި، ނެގިމަޑުވެފައި އިންނަ އިނުމެވެ. ކުލާސް މުދައްރިސް އަފާއާ ސުވާލުކުރުމުން، ބިރުން އިނދެ އެ ވާހަކަ ކިޔަައިދިނެވެ. ފުލުހަށް މައްސަލަ ހުށަހެޅީ އިސްކޫލުންނެވެ. ހަލީމް ދެކޮޅުހެދި ނަމަވެސް އަފާއަށް ޖިސްމާނީގޮތުން ލިބިފައިވާ އަނިޔާތައް ހަލީމްގެ ކުށަށް ހެކި ދިނެވެ.  ދުނިޔަވީ ޙަޔާތުގެ ހުވަފެނީ ދުވަސްތައް މުލައްމާކުރާން ވާނީ، އެއަށް އަރާ އޮފުގެ ތޫނު ދަޅައިން، ތިބާގެ ދެ ލޯ ސަލާމަތްކުރެވޭ މިންވަރަށްކަން ވިސްނުނުއިރު، ވަގުތު ވަނީ ފާއިތުވެފައެވެ.

ހަލީމަށް އައި ޖަލުހުކުމް ވެގެންދިޔައީ އާސިމާގެ ދެ މައިންގެ ހިތުގައި، އަފާއާމެދު ރުޅިއާއި ނަފުރަތުގެ ހުޅުގަނޑު ފަަޅައިގެން ދިޔަ ކަމަކަށެވެ. އެ ދުވަހަށްފަހު، އެ ދެ މައިން އަފާ ބާކީކޮށްލިއެވެ. އެއްޗެހި ކިޔުމާއި އަނިޔާކުރުން އާންމުވިއެވެ. ނަތީޖާއަކަށްވީ އިސްކޫލަށް ދިޔުން އަފާ ހުއްޓާލުމެވެ. ގޭތެރެ ބިރުވެރި ތަނަކަށްވެ، ބޭރުގައި ގިނަ ވަގުތު ހޭދަކުރަން ފެށުމެވެ. ބޭރުންތެރެއިން ރައްޓެހިން ހޯދުމެވެ.

އުމުރުން ސޯޅައަހަރު ފުރުނުއިރު އަފާ ވަނީ، މަންޒިލެއް ނެތި ދަތުރަށް ފަށާފައިވާ މުސާފިރަކަށް ވެފައެވެ. ދެ ފަހަރު ދެ އަތަށް ހޭރިޔާކޮށްކޮށް ހުއްޓާ ދަތުރު އޮޅި، އޮޔަށް ވަޔަށް ބެހިގެން ގޮސްފައެވެ. އުޅުން ގޯސް، ވިޔާނުދާ ކުއްޖަކަށް ވެފައެވެ. މަސްތުވާ ތަކެތި ބޭނުންކުރާން ފަށާފައެވެ. އެހައިހިސާބަށް ކަންތައް ދިޔައިރު، އަފާއަކާ އާސިމާ ވާހަކައެއް ނުދައްކައެވެ. ބޭނުންވާ އެއްވެސް އެއްޗެއް ހޯދައެއް ނުދެއެވެ. ހަށިވިއްކުމުގެ ހުތުރު، މުޑުދާރު މަގަށް އޭނާ ވަނީ އެހައި ހިސާބުންނެވެ. ބޭނުންވާ ކަންކަމަށް ފައިސާ ހޯދުމަށެވެ.

ޒާހިރާގެ ފޯނުގައި ހުރި އާސިމާއަށް ފޯނު ކުރުކޮށްލަން ޖެހުނީ، ދޮރުގައި މީހަކު ޓަކިޖެހި އަޑު އިވުމުންނެވެ. ދެ ލޯ ފޮހެލަމުން އޭނާ ގޮސް ދޮރުހުޅުވިއެވެ. އޭރު ދޮރުމަތީގައި ތިބީ ދެ ފުލުހެކެވެ. އަފާ މަރުވިފަހުން ފުލުހުން އެ ގެއަށް އެ އައީ ތިންވަނަ ފަހަރަށެވެ. އެކިއެކި ކަންކަމާ ގުޅިގެންނެވެ. އަފާގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ގެންދާތީއެވެ.

“ކޮންކަމަކު މި ގެއަށް ތި އައީ؟” ކޮނޑުގައި ދަބަސް އަޅައިގެން ދޮރުމަތީގައި ހުރި ސާޖިދު ފެނިފައި، ވަސީމާގެ މޫނުމަތި ރުލުން ފުރުނެވެ. ދެ ލޮލުން ރުޅިވެރިކަމާއި ނުރުހުމުގެ ކަނިތައް ބުރަންފެށިއެވެ.

“މަންމާ! ކޮބާ މުނީ؟” ސާޖިދުގެ އަޑުގައި ހުރީ އަދަބު އިޙުތިރާމެވެ. އޭނާ ހިނިތުންވެލީ، މަޢާފާއެކުގައެވެ. އޭނާ އެ ގެއަށް އައީ، މަންމަ ރުޅި އައިސްފައި ހުންނާނޭކަން އެނގިހުރެއެވެ. މަންމައާ ދިމާއަށް ކިޔުނު އެއްޗެހި އޭނާއަށް އެނގެއެވެ. ނޭނގެނީ އެ ފަދަ ގޮތަކަށް މަންމައާ މުޚާތަބު ކުރުމުގެ ހިތްވަރު ލިބުނު ގޮތެކެވެ.

“މުނީއެއް، ބުނީއެއް ކިޔާނެކަމެއް ނެތް! މި ގެއަށް ވަދެގެންނުވާނެ!” ވަސީމާ އުޅުނީ ވަގުތުން ދޮރުލައްޕާށެވެ.

އެހެންނަމަވެސް ސާޖިދު ދޮރުގައި ހިފެހެއްޓިއެވެ.

“ސޮރީ މަންމާ! އަހަންނަށް މާފުކުރޭ!” ސާޖިދު ނިކަމެތިކަމާއެކު ވަސީމާގެ ކިބައިން މާފަށް އެދުނެވެ.

“މަންމާއޭ؟ މާފޭ؟ ހިތަށް އެރީމަ ކޮޅުފައިން ޖަހާފައި، ހިތަށް އެރީމަ ނަގައި އުރަށްލާން، މަށަކީ ކަލޭ ކުޅެން ގެންގުޅޭ ބޯޅައެއްކަމަށްތަ ހީކުރަނީ؟” ތި އޮތީ އައި މަގު. އައިކޮޅަށް ނުދަންޏާ ދާކޮޅަށް ދާންއުޅޭ!”

ވަސީމާ މަސައްކަތްކުރީ އަނެއްކާ ވެސް ދޮރުލައްޕާށެވެ. އެހެންނަމަވެސް މި ފަހަރު ވެސް އެ ކަމަށް ހުރަސްއެޅީ ސާޖިދެވެ. މުނިޔާއަށް އެ ތަނަށް އާދެވުނީ އެ ވަގުތުއެވެ.

“ސާޖީ!” ސާޖިދު ފެނުމާއެކު، މުނިޔާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ.  މޫނުމަތި އުޖާލާވެގެން ދިޔައެވެ. ދެ ލޮލުން އުފާވެރިކަން ވިދައިގަތެވެ. އޭނާއަށް އަވަސްއަވަހަށް ސާޖިދާ ދިމާއަށް ހިނގައިގަނެވުނެވެ. މުނިޔާއަށް ސަޕްރައިޒްއެއް ދޭން އައި ސާޖިދަށް، ކިތަންމެ ރަނގަޅަކަށް ވެސް އެކަން ކާމިޔާބު ވެއްޖެއެވެ.

“ނުދެވޭނެ! މަޑުކުރޭ!” މުނިޔާގެ އަތުގައި ވަސީމާ ވަގުތުން ހިފެހެއްޓިއެވެ.

“މަންމާ! ޕްލީޒް!” އާދޭހާއެކު މަންމަގެ މޫނަށް މުނިޔާ ބަލައިލިއެވެ.

“މި ބުނީނު ނުދެވޭނެއޭ!” ވަސީމާ ދެ ލޯ ބޮޑުކޮށްލިއެވެ.  

ދޮރުމަތީގައި ހުރި ސާޖިދާ ދިމާއަށް މުނިޔާއަށް ބަލައިލެވުނީ ހިތްދަތިކަމާއެކުގައެވެ. އޭނާ ބޭނުންވަނީ ސާޖިދު ގާތަށް ދާށެވެ. އަތުގައި ހިފައިގެން ގެނެސް، ކޮޓަރިއަށް ވައްދާށެވެ. ވަރަށް ލޯބިވެއޭ ބުނެ، ސާޖިދުގެ ގައިގައި ބައްދާލާށެވެ. ދެ މީހުންގެ ދެމެދުގައި ގާތްކަމެއް ނެތި ދިޔަ ދެތިން ދުވަހުގެ ބަދަލު ލިބިގަންނާށެވެ. މާމުއިގެ އާރެއްގައި، މާމެލާމެލީގެ ދާނެއްގައި، ވަގުތުތައް ހޭދަކޮށްލާށެވެ. އެހެންނަމަވެސް….

“މަންމާ! އަޅެ ސާޖީ މި ގެއަށް ވަންނަން ހުއްދަ…”

“”މުނިޔާ ތި ހުންނަނީ މޮޔަވެފައިތަ؟ އޭނަ އުފަލަކަށް ހަދައިގެން، މުނިޔާ ހިތުގައި ޖައްސައި، ރޮއްވި ހަނދާނެއް މިހާރަކު ނެތްތަ؟ މުސްކުޅި އަމަޔާ ދިމާއަށް ގޮވާލި އެއްޗިއްސެއް ވެސް، ތި ސިކުނޑިއަކު ނެތް ދޯ؟ އެއީ ފިރިމީހާ ކަމަށް ވިޔަސް، އޭނަ ކުޅެން ގެންގުޅޭ ބުދަކަށް ވާކަށް މުނިޔާއަކަށް ނުޖެހޭނެ!” ވަސީމާގެ ފަހު ޖުމުލައިގައި ހުރީ، ފިސާރި އަމުރުވެރި ގޮތެކެވެ.

މުނިޔާއަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންފިއެވެ. މި މަންޒަރު ފެނިފައި ސާޖިދުގެ ހިތް ކުދިކުދިވި ކަހަލައެވެ. މުނިޔާ ރޯން ކީއްކުރަން ހެއްޔެވެ؟ ދެރަވެފައި ހުންނަތަން ފެނުމަކީ ވެސް، އޭނާގެ ހިތަށް ކުޅަދާނަކަމެއް ނޫނެވެ. މުނިޔާ އުފަލުގައި ބެހެއްޓުމަކީ، އޭނާ އަބަދުވެސް، އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތަކެވެ.

ސާޖިދު ބޭނުންވަނީ މުނިޔާ ހިތުގައި ނުޖެއްސުމަށް އެދި، މަންމަގެ ގާތުގައި އާދޭސްކުރާށެވެ. ދެ ފައިތިލަ މައްޗަށް ތިރިވާށެވެ. އެހެންނަމަވެސް އޭނާއަކަށް އެ ފުރުސަތެއް ނުލިބުނެވެ. ވަސީމާ ގާތަށް އައިސްފައި ހުރި ސިނގު ރުޅީގައި، ގަދަކަމުން ކަހަލަ ގޮތަކަށް، ދޮރު ލައްޕައި ތަޅުލައިފިއެވެ. އެ ވަގުތު މުނިޔާއަށް އިހުސާސްކުރެވުނީ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެ ދެމަފިރިން ދުނިޔޭގެ ދެކޮޅަށް ފޮނުވައިލި ކަމުގެ ހިތްދަތި އިހުސާސެވެ. އެ ދެމަފިރިންގެ ހަޔާތަށް އަލިކަން ގެނެސްދިން ހުޅުކޮޅު، ދާއިމަށް ނިވުނުކަމުގެ ވޭނީ އިހުސާސެވެ. ހިތަށް ވީ ތަދާއެކު ރޮއިގަންނަމުން، އޭނާއަށް ދުއްވައިގަނެވުނީ ކޮޓަރިއާ ދިމާއަށެވެ.

ސާޖިދުގެ ދެ ލޮލުން ވެސް، ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދެއެވެ. ދޮރު ހުޅުވާތޯ އޭނާ އެ ތަނުގައި މަޑުކުރިއެވެ. އެތައް އިރަކު ހުރި އިރު ވެސް ނުހުޅުވިއެވެ. އެންމެފަހުން އޭނާ އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ. ދެ ލޯ ފޮހެލަމުންނެވެ. ވަސީމާ އެ ގޮތަށް އެކަން ކުރި ނަމަވެސް، ވަސީމާއާ މެދު ބަރު ހިތެއް ސާޖިދުގެ ނެތެވެ. އޭނާއަށް މި ލިބެނީ އޭނާ ކުރި ކުށުގެ އަދަބެވެ. އެ ކަން ހެޔޮ ހިތުން އޭނާ ބަލައިގަނެއެވެ. ދެރަވަނީ މުނިޔާ ކުރާނެ ހިތާމަ ވަޒަންކުރެވޭތީއެވެ. ރޯނެ ރުއިން އިހުސާސްކުރެވޭތީއެވެ. މުނިޔާ ދެކެ އޭނާ އިންތިހާއަށް ލޯބިވާއިރު، އެ ލޯތްބަށް ހުރަސްއެޅޭތީއެވެ.

މުނިޔާ އޮތީ އެނދުމަތީގައި، ބަނޑުވަތަށް ރޯށެވެ. ގިސްލަގިސްލާފައި ރޮމުންދާއިރު، އޭނާގެ ހިތް ކުދިކުދިވެފައިވާ ކަހަލައެވެ. ރިހެމުންދާ އެ ހިތުގެ އެތިކޮޅުތައް ޒައްރާތަކެއްގެ ސިފައިގައި، އޭނާގެ އަަޑާއެކުވަމުން، ނޭވާއާ ގުޅެމުން ބޭރުވާ ކަހަލައެވެ. ސާޖިދާ ނުލައި އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނާއާ ވަކިން ސާޖިދަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ސާޖިދުގެ ހާލާމެދު ވިސްނައިލެވުމުން، މުނިޔާގެ ހިތަށް ލިބޭ ދަތިކަން އެތައް ގުނައަކަށް އަރައެވެ.

މުނިޔާ ރޮއިރޮއި އޮއްވާ، އެނދުމަތީގައި އޮތް އޭނާގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ. ކަރުނައިން ފޯވެފައިވާ ދެ ލޮލުން، އޭނާ ފޯނަށް ބަލައިލިއެވެ. ފެނުނީ އެ މޫނަށް ޓަކައި އޭނާ ފިދާވާ، ސާޖިދުގެ ރީތި މޫނެވެ. ސާޖިދަށް މުނިޔާ ލޯބިން ކިޔައި އުޅޭ “ސާޖީ” މި ނަމެވެ. މުނިޔާ އަވަސްއަވަހަށް ފޯނުނެގިއެވެ.

“ސާޖީ!” މުނިޔާގެ ރުއިމާ އެކުވެފައިވާ ކުރަކި އަޑުން ސާޖިދަށް ގޮވައިލިއެވެ.

“މުނީ އަދިވެސް ރޮނީތަ؟” ސާޖިދަށް އަވަސްއަވަހަށް އަހައިލެވުނެވެ.

“ރޮނީއެއް ނޫން! ރޮވެނީ! ކަންތައް ދިމާވާގޮތުން ދެރަވަނީ!” މުނިޔާގެ އަޑު ތުރުތުރު އަޅައެވެ. ދެ ލޮލުން އަނެއްކާ ވެސް ކަރުނަ އޮހިގަތެވެ.

“މުނީ! ހެޔޮނުވާނެ! ހުއްޓާލަބަލަ! މުނީ ރޯ އަޑު އިވުނީމަ އަހަރެންގެ ހިތަށް ވަރަށް ތަދުވޭ!” ސާޖިދުގެ އަޑަށް ވެސް ބަދަލު އަތުވެއްޖެއެވެ.

“ސާޖީ ކޮންތާކު ތި ހުރީ؟” މުނިޔާ ހިންދިރުވައިލިއެވެ. ސާޖިދަށް ޓަކައި، ހިތްވަރުކުރެވޭތޯ މަސައްކަތްފެށި ކަހަލައެވެ.

“ކުއްޔަށް ކޮޓަރިއެއް ނެގީ.” ސާޖިދުގެ އަޑު ބެދޭގޮތްވިއެވެ.

“އަޅެ ސާޖީ!” ހިތްވަރުކޮށްކޮށް އޮއްވާ މުނިޔާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ. ކުލީ ކޮޓަރިއެއްގައި އެންމެ މިނެޓަކަށް ވެސް ސާޖިދު ހުންނާކަށް މުނިޔާ ނޭދެއެވެ.

“މުނީ! ކެތްކުރޭ! އިރާދަކުރެއްވިއްޔާ އަދި މި ކަން ހައްލުވާނެ!” ސާޖިދު އުއްމީދު ކުރަނީ، މަންމަގެ ރުޅިގަނޑު މައިތިރިވާނެ ކަމަށެވެ. ގޮތްދޫކުރާނޭ ކަމަށެވެ.

“އެކަމަކު މަންމަ ކީއްވެތަ ސާޖީއަށް އެހެން އެ ހަދަނީ؟ ކީއްވެތަ އަހަރެން ދެރަ ކުރަނީ؟ ސާޖީ ދެކެ އަހަރެން ލޯބިވާވަރު މަންމައަށް އެނގޭނެ! އަހަރެން ކިހިނެއް ސާޖީއާ ދުރުގައި އުޅޭނީ؟”

“ހިނގާ ޕޮޒިޓިވްކޮށް ވިސްނަމާ!” ސާޖިދު ބޭނުންވަނީ މައްސަލަ ހައްލުކުރެވޭނެ ގޮތަކަށް ކަންކަން ކުރެވޭތޯ ބަލާށެވެ. “އަހަންނަށް ފެންނަ ޚިޔާލެއް ދެންތަ؟”

“ހޫނ!” މުނިޔާގެ އަޑުގައި އަދިވެސް ހުރީ ރިހުމެވެ.

“ބައްޕަ ކޮބާ؟”

“މަސައްކަތު ގޮސް ވީ.”

“ބައްޕައާ ވާހަކަ ދައްކަންވީނު!”

“ބައްޕައާ ވާހަކަ ދައްކައިގެން އެއްކަމެއް ވެސް މިހާރަކު ނުވާނެ!”

“ކީއްވެ ތިހެން ތި ބުނީ؟”

“ބައްޕަ މިހާރު ވަރަށް ތަފާތު. ސަލީމްބެ ހައްޔަރުކުރި ފަހުން، ބައްޕަގެ އުޅުމާއި މިޒާޖު އެއްކޮށް ބަދަލު ވެއްޖެ! އަބަދު ހުންނަނީ މާޔޫސްވެފަ. ފިކުރު ބޮޑުވެ ދެރަވެފަ. ބައްޕަގެ ހާލާމެދު ފިކުރުކޮށްލެވުނީމާ ވެސް ވަރަށް ދެރަވޭ!”

“އެހެންވިއްޔާ މަށަށް ފެންނަނީ، ތި ގޮތަށް ރޯން ނޯވެ، މަންމަ ފިނިކުރެވޭތޯ މުނީ ވެސް މަސައްކަތް ފަށަން!”

“ކިހިނެއް ތިކަން ކުރާނީ؟”

“ހަދާނެ ގޮތަކީ، މަންމަ ރުހޭހައި ގޮތަކަށް ކަންކަންކުރެވޭތޯ ބަލާނީ. ގޭގެ ކަންކަމުގައި ކުރިން އުޅޭ ވަރަށްވުރެ ވެސް ބޮޑަށް އުޅެން ފަށާނީ. ދެން މަންމަ ހަމަޖެހިފައި އިންނަ ވަގުތަކު، ރީތިކޮށް އަހައިލާނީ، ސާޖިދު ގެއަށް ގެންނަންހޭ؟”

“ވަގުތުން ނޫނެކޭ ބުނާނެ!” މަންމަގެ ގޮތް މުނިޔާއަކަށް ނޯޅެއެވެ.

“ނޫނެކޭ ބުނެފިއްޔާ ދެން ވެސް ބަލާނީ ވިސްނައިދެވޭތޯ.”

“މަންމަ ވަރަށް ގޮތްދޫނުކުރާނެ!” މުނިޔާ ނޭފަތް ދަމާލިއެވެ.

“އަހަރެން ބޭނުމެއް ނޫން މުނީއާ، މުނީގެ ޢާއިލާއާ ވަކިކޮށްލާކަށް. އެހެންވެ މަންމަ ރުއްސޭތޯ ބަލަން ބޭނުންވަނީ.”

“މަންމަ ހުންނަނީ ސާޖީދެކެ ވަރަށް ނުރުހިފަ.”

“މަ ގަބޫލުކުރަން މަގޭ މިސްޓޭކް! މަންމައާ ދިމާއަށާއި މުނީއާ ދިމާއަށް ވަރަށް އެއްޗެހި ކިޔުނު!” ސާޖިދުގެ އަޑު ކުރެހުނެވެ.

“ދެން ތި ވާހަކަ ބާއްވާ! އަހަރެންގެ ހިތަކު އެއްވެސް ބުރަކަމެއް ނެތް!”

“އަހަންނަކަށް ނޭނގެ އޭރު އަހަންނަށް ވެފައި ހުރީ ކިހިނެއް ކަމެއް ވެސް!” ސާޖިދު ހިންދިރުވައިލިއެވެ. “މުނީއަށް އެނގޭތަ؟ އެ ދުވަސްކޮޅު މުނީދެކެ އަހަރެން ހާދަ ފޫހި ވެސް ވިއޭ!”

“މިހާރު ވެސް؟” އަވަސްއަވަހަށް މުނިޔާއަށް އަހައިލެވުނެވެ.

“މިހާރު ވަރަށް ލޯބިވޭ! ކުރިއަށްވުރެ ވެސް މާ ބޮޑަށް ލޯބިވޭ!”

“އައި ލަވް ޔޫ ސާޖީ!” މުނިޔާއަށް ލޯ މަރައިލެވުނެވެ. ދެ ލޮލުގެ ދެ ކައިރިން ކަރުނަތިކިތައް އޮހޮރިގަތެވެ. ބޯދަށުގައި އޮތް ބާލީހާ ދިމާއަށް މިސްރާބު ޖަހަމުންނެވެ. “ސާޖީ! އަހަރެން އޮފީހަށް ނިކުންނަން ފަށަންތަ؟”

“ކީއްކުރަން؟”

“އޭރުން ސާޖީއާ ދިމާވާނެއެއްނު! އޮފީހަށް ގޮއްސަ ސާޖީ ގާތަށް ދެވޭނެއެއްނު!”

“މަޑުކުރޭ! ޗުއްޓީ ހަމަކޮށްފަ ނިކުންނަން ފަށާނީ. އިރާދަކުރެއްވިއްޔާ އެއަށްވުރެ މާ އަވަހަށް މި ކަން ހައްލުވާނެ!”

“ސާޖީ! މަންމަ ރުޅިއަޔަސް އަހަރެން ދޫކޮށްނުލައްޗޭ! ސާޖީ ބުނި ކޮންމެ ގޮތެއް އަހަރެން ހަދާނަން!”

“އަހަރެން އަބަދުވެސް ހުންނާނީ މުނީއާއެކު.”

ސާޖިދު އެދުނު ގޮތަށް، މުނިޔާ ގޭތެރޭގައި އުޅޭންފެށިއެވެ. މަންމައާއެކު ގޭތެރޭގެ މަސައްކަތުގައި ބައިވެރިވަމުން ގެންދިޔައެވެ. މަންމަގެ ހިތް ފިނިކުރެވޭތޯ ކުރެވޭން ހުރި ހުރިހައި ކަމެއް ކުރަމުން ގެންދިޔައެވެ. ހިތުގެ ނުތަނަވަސްކަން ކިތަންމެ ބޮޑަސް، މޫނުމަތިން އެކަން ނުދައްކާވޭތޯ ބަލަމުންނެވެ.

ޖެހިގެން އައި ދުވަހު ވަސީމާ ހުރީ ހަމައަކަށް އެޅިފައެވެ. ހިނިތުންވެލާފައި މުނިޔާއާ ވާހަކަ ދައްކާން ފަށައިފިއެވެ. ނިޔަމް ވެސް މިހާރު ފެންނަނީ މަޑުމަޑުން ހަމައަކަށް އެޅޭތަނެވެ. ރަށުގައި އުޅުނުއިރު ދިމާވި ފަދަ ބިރުވެރިކަމެއް، މާލެއިން ތަޖުރިބާކުރާކަށް ނުޖެހެއެވެ. އެހެންނަމަވެސް ކުރީ ރޭ، ނިޔަމްގެ ކޮޓަރިން އިވުނު އަޑު ވަސީމާގެ ހިތަށް ވަސްވާސް އިތުރުކުރެއެވެ.

މުނިޔާ ހުރީ ވަސީމާ ގާތުގައި ސާޖިދުގެ ވާހަކަ ދައްކާނެ ފުރުސަތަކަށް ބަލަބަލައެވެ. އެެހެން ހުއްޓާ އެ ފުރުސަތު އޭނާއަށް ފަހިވީ މެންދުރު ފަހުގެ ވަގުތުގައެވެ. ވަސީމާ އިނީ ސޯފާގައެވެ. މެންދުރު ކައިގެން ނިކުމެ ދުފާލައިގެންނެވެ. މުނިޔާ ގޮސް ވަސީމާގެ ގާތުގައި އިށީނދެ، އޭނާގެ މޫނަށް ބަލައިލިއެވެ.

“ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލަ!” މުނިޔާގެ މޫނަށް ވަސީމާ ބަލައިލިއެވެ.

މުނިޔާއަށް ވަގުތުން އިސް އޮބައިލެވުނެވެ. މަންމަ ހާދަ މޮޅޭ ހިތަށް އެރިއެވެ. ދުނިޔޭގައި ގިނަ ދުވަހު އުޅުމަކީ، ގިނަ ތަޖުރިބާ ކުރެވޭ ކަމެކޭ ބުނަނީ މިހެން ވީމާ ބާވައެވެ؟ އަހަރެން ބުނަން މި އުޅެނީ ކޮން ވާހަކައެއްކަން ވެސް މަންމައަށް އެނގޭނެ ކަންނޭނގެއެވެ.

“މަންމައަށް އެނގޭ ސާޖިދު ދެކެެ މުނިޔާ ވަރަށް ލޯބިވާކަން.” މުނިޔާ އެއްޗެއް ނުބުނެ އިންދާ، ވަސީމާ ވާހަކަ ފެށިއެވެ. އެ ވަގުތު އޭނާއަށް އިސްއުފުލައި ވަސީމާގެ މޫނަށް ބަލައިލެވުނެވެ.

“ދިރިއުޅުމަކަށް ވިސްނާއިރު ބަލާނީ ހަމައެކަނި ލޯތްބަކަށް ނޫން! ލޯބިވާހައި މީހަކާއެކު އުފާވެރި ދިރިއުޅުމެއް ނޫޅެވިދާނެ! ތިމާ އަނެކާ  ދެކެ ކިތަންމެ ލޯބި ވިޔަސް، އަނެކާގެ ހިތުގައި، ތިމާގެ މައްޗަށް އެ ލޯބި ނެތިއްޔާ، ދިރިއުުޅުމުގައި ލިބޭނެ އެއްވެސް އުފަލެއް ނޯންނާނެ!” ވަސީމާގެ ވާހަކަ ބައްޓަންވާން ފެށި ގޮތުން، މުނިޔާގެ ހިތް ތެޅޭން ފެށިއެވެ. އޭނާއަށް އިނދެވުނީ ވަސީމާގެ މޫނަށް ނަޒަރު ހުއްޓާލައިގެން، ދެ އަތް ދެ އަތަށް ފިތާލަފިތާލައެވެ. “އެހެންވީމާ ތިމާ އެ މީހެއް ދެކެ ލޯބިވާގޮތަށް، އެ މީހަކު ތިމާ ދެކެ ލޯބިވޭތޯ ވެސް ބަލަންޖެހޭނެ!”

“ސާޖިދު އަހަރެން ދެކެ ވަރަށް ލޯބިވޭ!” މުނިޔާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އެއާއެކު ވަސީމާގެ ބޮޑުވެފައިވާ ދެ ލޮލުގެ ކަޅި، މުނިޔާގެ މޫނުގައި ތަތްވިއެވެ. މުނިޔާ ކަންބޮޑުވާންފެށިއެވެ. އަވަސް އަވަހަށް އިސް އޮބައިލެވުނެވެ. މަންމަ ގާތުގައި އެހެން ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ.

“ވާހަކަ މަދުކޮށްފަ މަންމަ ދައްކާ ވާހަކަ އަޑުއަހަން އިހަށް އިނދޭ!” މުނިޔާގެ މޫނަށް އިރުކޮޅަކު ބަލަން އިނދެފައި، ވަސީމާ ބުނެލިއެވެ. “އަބަދުވެސް ހަނދާން ބަހައްޓާތި! އެކަކު ވާ ގުރުބާނީގެ މަތީގައި ބިނާކުރެވޭ އެއްޗަކަށް ދިރިއުޅުން ވެގެން ނުވާނެ! ދިރިއުޅުމެއް މި ފަށަނީ ދެ މީހެއްގެ ފަސްބައިގައި ޖަހާލެވޭ ގޮށަކުން. އެ ދެ މީހުންނަކީ ޖިސްމާނީގޮތުން ދެ ހަށިގަނޑުކަމުގައި ވިޔަސް، ކައިވެންޏަށްފަހު، ރޫޙާނީގޮތުން ވާންވާނީ އެއް ހަށިގަނޑަކަށް. އެކަކުގެ ހިތުގައި އަޅާ ވޭން، އަނެކާއަށް އިހުސާސް ކުރެވެން ވާނެ! އެހެންނޫނީ ކިހިނެއް ހިނިތުންވެލައިގެން އެންމެ ސިކުންތަކު ވެސް ދިރިއުޅޭނީ؟ އެހެން އެކަން ނުވާ ނަމަ، ދިރިއުޅުމުގެ ބަގީޗާގައި ވަސްމީރު މަލެއް ނުފޮޅޭނެ! މަލެއް ނުފޮޅޭ ގަހަކުން މޭވާއެއް ވެސް ނުނިކުންނާނެ!”

ވަސީމާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް، މުނިޔާގެ ހިތް ނުތަނަވަސްވަމުން، ހާސްކަން އިތުރުވަމުން ދިޔައެވެ. އޭނާގެ ހިތް އޭނާއަށް ދެނީ، ނުތަނަވަސްކަމުގެ މެސެޖުތަކެކެވެ. އޭނާގެ ހިތް ބުނަނީ، މަންމަގެ އެ ވާހަކަތަކުގެ ނިމުމަކަށް ވާނީ، އެހެންވީމާ، ސާޖިދާއެކު އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެއެވެ. އޭނާއަކީ ކަމުދާ މީހެއް ނޫނެވެ. މުނިޔާއަށް އޮތް ހަމައެކަނި ގޮަތަކީ، އޭނާގެ ގާތުން ވަރިވުމެވެ.

މި ކަހަލަ ނުކިއްސަރު ޚިޔާލުތަކާއި ފިކުރުތައް، މުނިޔާގެ އެތެރެހަށި ހަލަބޮލިކޮށް، މާޔޫސްކުރަން ފެށުމާއެކު، ދެ ލޮލުން ކަރުނަ ހިލޭން ފަށައިފިއެވެ. އޭރު ވެސް ވަސީމާގެ ވާހަކަ މެދުނުކެނޑި ކުރިއަށްދެއެވެ.

“މޭވާ ނާޅާ ގަހަކަށް ފެންދީ، ބެލެހެއްޓުމުގެ މާ ބޮޑު ބޭނުމެއް ނޯންނާނެ! އެ ފަދަ ގަހަކުން ހިފޭނެ ބޭނުމެއް ވެސް ނޯންނާނެ! އެންމެ ބުއްދިވެރި ގޮތަކަށްވާނީ އެ ގަސް ކަނޑާލުން!” މިހާތަނަށް ވާހަކަ ދިޔުމާއެކު، އިސް ދަށަށް ޖަހައިގެން އިން މުނިޔާއަށް ކުއްލިއަކަށް އިސްއުފުލައިލެވުނެވެ. ވަސީމާގެ މޫނަށް ބަލައިލެވުނެވެ. އެ ވަގުތު ވަސީމާއަށް ފެނުނީ، މުނިޔާގެ ފެންކަޅިވެ، ކަރުނަ އޮހިގަންނަން ތައްޔާރުވެފައިވާ ދެ ލޮލެވެ. އެ މަންޒަރު ފެނިފައި ވަސީމާގެ ހިތަށް ތަދުވިއެވެ. އޭނާއަށް ބޭއިޚުތިޔާރުގައި، މުނިޔާ ގެނެސް ގަޔާ ކައިރިކޮށްލެވުނެވެ.

“މި ކަހަލަ ވާހަކަ މަންމަ ދެއްކީމަ ހީނުކުރައްޗޭ، މަންމަ ލޯބި ނުވަނީއޭ.” ވަސީމާގެ އަޑާއި ރާގުގައި ކުރިން ހުރި މުރަނަކަމަށް ބަދަލު އަތުވެއްޖެއެވެ. “އެއްވެސް ދަރިއަކަށް ދެރަ ގޮތެއް ވާކަށް މަންމަ ނޭދެން! މުނިޔާދެކެ ވެސް މަންމަ ވަރަށް ލޯބވޭ! އެހެންވީމަ މި ކަހަލަ ވާހަކަ މި ދެއްކެނީ.”

ވަސީމާގެ ވާހަކައިގެ މިސްރާބު ބަދަލުވިގޮތުން، މުނިޔާއަށް ރޮވިއްޖެއެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ވަސީމާގެ ކޮނޑުމަތީގައި ބޯ އަޅައިލެވުނެވެ. ތުއްތު ކުއްޖަކު ފަދައިންނެވެ. މުނިޔާގެ ބޮލުގައި ވަސީމާ ފިރުމައިލިއެވެ. އޯގާވެރި ފިރުމާލުމެކެވެ.

“މަންމާ!” މުނިޔާގެ އަޑުގައި ކުރަކިކަމާއި ތުރުތުރުއެޅުން ހުއްޓެވެ. “ސާޖީ މި ގެއަށް ގެނެސްދީ!” ވަރަށް ހިތްވަރުކޮށްފައި މުނިޔާ ބުންޏެވެ. އިތުރަށް އެންމެ ޖުމުލައެއް ވެސް، އޭނާއަކަށް ނުބުނެވުނެވެ.

“މަންމާ!” ވަސީމާ އެއްޗެއް ބުނޭތޯ ދެ މިނެޓެއްހައި އިރު މަޑުކޮށްފައި، މުނިޔާ އަނެއްކާ ވެސް މަޑުމަޑުން ގޮވައިލިއެވެ.

“މަންމައަށް އިވިއްޖެ! ތި ކަމާ މި ވިސްނަނީ.” ވަސީމާގެ އަޑުގައި އޯގާވެރިކަމުގެ އަސަރު ހިފާފައި ހުއްޓެވެ. “މުނިޔާއަށް ހީވޭތަ ސާޖިދާއެކު، އުފާވެރި ދިރިއުޅުމެއް އުޅެވިދާނެހެން؟” ކުޑަ އިރުކޮޅަކަށްފަހު ވަސީމާ ސުވާލުކޮށްލިއެވެ.

“އާނ!” ބޯ އުފުލައިލައި، ވަސީމާގެ މޫނަށް މުނިޔާ ބަލައިލިއެެވެ. “ހަމަ ޔަޤީން މަންމާ! ސާޖީއާއެކު ވަރަށް އުފާވެރި ދިރިއުޅުމެއް އަހަންނަށް އުޅެވިދާނެ!”

“ކީއްވެ ތިހާ ބޮޑު ޔަގީންކަމެއް ތި ދެނީ؟”

“ސާޖީ އަހަރެންދެކެ ވަރަށް ލޯބިވޭ!”

“ހަނދާނެއް ނެތްތަ އިހައްދުވަހު ކީހައި އެއްޗިއްސެއް؟”

“އެ ގޮތަށް ކަންތައް ކުރެވުނީމަ، މިހާރު އޭނަ ހުންނަނީ ވަރަށް ދެރަވެފަ.” މުނިޔާ މަސައްކަތްކުރީ ސާޖިދަށް މިހާރު ހެޔޮ ވިސްނުން ލިބިއްޖެކަމާއި އެ ދެމަފިރިންނަށް ހަމަޖެހިލައިގެން އުޅެވޭނެކަން ވަސީމާއަށް ކަށަވަރުކޮށްދޭށެވެ.

“މާދަމާ އެހެން ނޫޅޭނޭކަމެއް ކިހިނެއް އެނގެނީ؟ އެއް ފަހަރު ކޮށްޖެހީމަ އަނެއް ފަހަރު ކޮށްނުޖަހާނެ ކަމަށް ބަލައިގެން ނުވާނެ!” ވަސީމާގެ ހިތަށް އުނދަގޫކުރަނީ، ރަށުން ފުރަން އުުޅުނު ދުވަސްކޮޅު ސާޖިދު އުޅުނު ކަމުނުދާ އުޅުމެވެ.

“އަހަންނަށް އިތުބާރުކުރެވޭ!”

“ވިހަލާފައި ދާ ހަރުފަޔަށް އިތުބާރު ކުރިޔަސް، މި ޒަމާނުގައި އުޅޭ ފިރިހެނަކަށް އިތުބާރުކުރާކަށް ނުވާނެ! އެހެންވީމަ އަދި ވެސް ވިސްނާ! ހުރިހައި ކޮޅަކަށް ވެސް ވިސްނާ!”

ވާހަކަ ނިންމާލައިފައި ވަސީމާ ތެދުވެގެން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕުމާއެކު، ދެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ނުތަނަވަސްކަމާއި ހިތާމަތައް އޮބަހައްޓައިގެން އިނދެއިނދެ ހިތަށް ވަނީ ތަދުވެފައެވެ. އޭނާ ގޮސް އެނދުގައި އޮށޯވެލިއެވެ. ރޯން ބޭނުން ނުވިޔަސް ރޮވިއްޖެއެވެ. މުނިޔާގެ ހިތުގެ ހާލަތު އޭނާއަށް އިހުސާސްކުރެވެއެވެ. ހިތަށް އެރިއެވެ. ސަކީނާގެ އެސްފިއްނާ ޖެހުުނުލެއް ހާދަހައި އަވަހެވެ.

މުނިޔާ އެ އިންތަނުގައި ހުއްޓުން އަރާފައި އިނެވެ. މަންމަ ގޮސް ވަން ދޮރާ ދިމާއަށް ކަޅި ހުއްޓާލައިގެންނެވެ. އެހެން އިންއިރު އޭނާގެ ދެ ލޯ، ކަރުނައިން ތެމެމުން ފޯވަމުން އާދެއެވެ. މަންމަ ދެއްކި ވާހަކަތައް ތީރުތަކެއް ފަދައިން އޭނާގެ ހިތަށް ހެރެމުންދެއެވެ. އެކަމަކު ވެސް ސާޖިދާ ވަކިންނެއް ދިރިއެއް ނޫޅެވޭނެއެވެ.

ޖެހިގެން އައި ރެއެވެ. އަށެއްޖަހައި އެހައިކަންހައި އިރެވެ. މަސައްކަތް ނިންމާފައި ގެއަށް އައިސް ފެންވަރައިގެން ފައިސަލް މިސްކިތަށް ދިޔަ ގޮތަކަށް އަދި ނާދެއެވެ. ވަސީމާ އިނީ ސިޓިން ރޫމު ސޯފައިގައި، ޓީވީ ހުޅުވައިގެން ޚަބަރު ބަލާށެވެ. މުނިޔާ އޮތީ، އޭނާގެ ކޮޓަރީގައި ސާޖިދުގެ ފޯނެއްގައެވެ. މައުޟޫޢަކީ ދެމަފިރިންގެ ކުރިމަގެވެ. ނިޔަމް އޮތީ އޭނާގެ ކޮޓަރީގައެވެ. ފޯނުން ސީރީޒް ބަލާށެވެ. ސީރީޒާ ދުރުގައި ދުވަސްކޮޅަކު އުޅެފައި، އަނެއްކާ ވެސް އެކަން ފެށީއެވެ.

ނިޔަމް އޮތީ އޭނާ މިހާރު ބަލަމުން ގެންދާ ކޮރެއަން ސީރީޒަށް ގެއްލިފައެވެ. ސީރީޒުން މިހާރު ފެންނަނީ ވިންސެންޒޯ، އޭނާގެ ކޮޓަރީގައި ހުރި އެނދުގައި، ދިގުދެމިލައިގެން އޮތް މަންޒަރެވެ. އޭނާ އޮތީ ދެ ލޯ މަރާލައިގެންނެވެ. ގިނަ އިރުތަކެއް ނުވެ، ނިޔަމްއަށް ކުއްލި ސިހުމެއް ލިބުނީ، ވިންސެންޒޯގެ ރީތި ސިފަ، މުޅިން އެހެން ސިފައަކަށް ބަދަލުވިތަން ފެނިފައެވެ. ބިރުވެރި ސިފައަކަށެވެ. މިހާރު އެނދުމަތީގައި އޮތީ ވިންސެންޒޯއެއް ނޫނެވެ. ކުރީ ރޭ ދަންވަރު އޭނާއަށް ފެނުނު ބިރުވެރި މީހާއެވެ. އާއެކެވެ! އެއީ ހަމަ އެ މީހާއެވެ. އެ ބިޔަ ހަށިގަނޑެވެ. މޫނާއި ހަތަރެސްފައިން ފަޅާފައި ހުރި ދިގު ކެހެރިތައް ހުރީ އެނދުމައްޗަށް ފެތުރިފައެވެ. މި ބިރުވެރި މަންޒަރު ފޯނުން ފެނުމާއެކު، ނިޔަމްއަށް ތެޅެގަނެވުނެވެ. އަތުގައި އޮތް ފޯނު ދުރަށް ހޫރާލެވިއްޖެއެވެ.  

ނިޔަމް އުޅުނީ އަވަސްއަވަހަށް އެނދުން ތެދުވާށެވެ. އެ ވަގުތު އޭނާއަށް ލިބުނު ސިހުން ވަކިން ބޮޑުވެއްޖެއެވެ. އެނދުމަތީގައި، އޭނާގެ ގައިގައި ޖެހޭނުޖެހޭހައި ކައިރީގައި އެ އޮތީ ހަމަ އެ ބިރުވެރި މީހާއެވެ. ދެ ލޯ ދަމައި ވާންކޮށްގެން އޭނާއާ ދިމާއަށް ކަޅިއަޅައިގެންނެވެ. ނިޔަމްއަށް ބަލައިލެވުނު ވަގުތު، ދަތްޕިލަ ދިލުވައިލިއެވެ. ފެނުނީ ލުނބޯގަހުގެ ދިގު ކަށިތަކެއްހެން ހުރި ދަތްތަކެކެވެ.

ގަތް ބިރެއްގެ ސަބަބުން ނިޔަމްއަށް ހަޅޭއްލަވައިގަނެވުނެވެ. އެނދުން ފުންމާލެވުނު ގޮތް ވެސް ނޭނގުނެވެ. އޭނާ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ދުވެފައި ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. އޭރު ސިޓިން ރޫމުގައި ޚަބަރު ބަލަން އިން ވަސީމާއަށް، ނިޔަމް ހަޅޭއްލަވައިގަތް އަޑު އިވިގެން ބާރުބާރަށް ހިނގާފައި އައިސް، އެ ހިސާބާ އަރައި ހަމަވަނީއެވެ. މުނިޔާ ވެސް ފޯނު ބާއްވާފައި، އަވަސް އަވަހަށް ކޮޓަރިން ނިކުންނަނީއެވެ.

ވަސީމާ ފެނުމާއެކު، ނިޔަމް ގޮސް ވަސީމާގެ ގައިގައި އޮޅުލައިގަތެވެ. ބެއްދިލެއް ބާރުކަމުން ވަސީމާއަށް ތަދު ވެސް ވިއެވެ. އޭރު ނިޔަމްގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. ނިޔަމްގެ ގައިގައި ވަސީމާ ބައްދާލިއެވެ. ގަޔާލައި ބާރަށް ފިއްތާލިއެވެ.

“ދަރިފުޅާ!”

“ކިހިނެއްވީ ކޮއްކޯ؟” މުނިޔާ އަވަސްއަވަހަށް އައިސް، ނިޔަމްގެ އަތުގައި ހިފަހައްޓައިލިއެވެ.

“ކޮޓަރި… ކޮޓަރި… އެއްކަލަ… އެތި.”

މުނިޔާގެ ދެ ލޯ ބޮޑުވިއެވެ. މޭގައި އަތް އަޅައިލެވުނެވެ. ވަސީމާގެ މޭ ޑަންޑަންލާފައި ޖެހެންފެށިއެވެ. އޭނާ ކަންބޮޑުވެފައި ހުރެ، ނިޔަމްއާ ސުވާލުކުރަންފެށިއެވެ. ނިޔަމް ބިރުން ފިތްކެނޑިފައިވާ ހާލު ކޮޓަރިއަށް އިޝާރާތްކޮށް “އެ އެތި… އެ އެތި.. އެނދުގައި..” މިހެން ބުނަމުން ގެންދިޔައެވެ.

ނިޔަމްއަށް މި ވަނީ ކިހިނެއް ބާވައެވެ؟ މާލެ އައިމާ ވެސް އެކަމުން ސަލާމަތްވެވެން ނެތީ ބާވައެވެ؟ އެ ފަދަ ގޮތެއް ނިޔަމްއަށް ވާކަށް ވަސީމާ ބޭނުމެއް ނުވެއެވެ. ލޯބިވާ ދަރިފުޅާ ރޫޙާނީ ބާރެއްގެ މުށުތެރެއަށް ދާން އެދޭނީ ކޮން މަންމައެއް ހެއްޔެވެ؟ ކޮން ބައްޕައެއް ހެއްޔެވެ؟

ވަސީމާ މަސައްކަތްކުރީ ނިޔަމްއަށް ވިސްނައިދެވޭތޯއެވެ. އެއީ އޭނާއަށް ހީވި ހީވުމެއްކަން ކަށަވަރުކޮށްދޭށެވެ. އެހެންނަމަވެސް އެ ވާހަކަ ނިޔަމްއަކަށް ގަބޫލެއް ނުކުރެވެއެވެ. ގަބޫލުކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ އޭނާއަށް މި ރޭ، އެ ބިރުވެރި ސޫރަ ފެނިއްޖެއެވެ. ކިތަންމެ ރަނގަޅަކަށް ވެސް ފެނިއްޖެއެވެ. އެއީ މީހަކު ބުނި ތޯތޯ ވާހަކައެއް ނޫނެވެ. ދެބަދޭތެރޭ އޮއްވާ ފެނުނު ހުވަފެނެއް ވެސް ނޫނެވެ.

ފައިސަލަށް ގެއަށް އާދެވުނީ، އެ ކަންތައްގަނޑުގެ ތެރޭގައެވެ. އޭނާ ގޮސް ވަސީމާއާއެކު ނިޔަމްގެ ކޮޓަރި ބެއްޔެވެ. އެ ކޮޓަރިއަކު، ނިޔަމް އެ ބުނާ ކަހަލަ އެއްވެސް ކަމެއް ނެތެވެ. ބިރުވެރިކަމެއްގެ ލިސާނެއް ވެސް ނެތެވެ. އެހެންކަމުން ވަސީމާއާއި ފައިސަލް މަސައްކަތްކުރީ، އެއީ ހީވި ހީވުމެއްކަމަށް ބުނެ، ނިޔަމްއަށް ވިސްނައިދެވޭތޯއެވެ. އެހެންނަމަވެސް ނިޔަމްގެ ހިތަކުން ބިރުވެރިކަމެއް ނުފިލިއެވެ. ދުލުން ބުނެ ފާޅުނުކުރިޔަސް، ވަސީމާއަަށް ވެސް ނިޔަމްގެ ވާހަކަ ގަބޫލުކުރެވެއެވެ. ނިޔަމް އެހެން ބުނާނީ ކޮންމެވެސް ކަމެއް ވީމައެވެ. ކަމަކާ ނުލައި، އެ ކުއްޖާއަކަށް އެހައި ވަރެއް ނުވާނެއެވެ. ކުރީ ރޭ އެ ކޮޓަރިން އިވުނު އަޑަކީ ވެސް، ނިޔަމްގެ އެ ވާހަކައަށް ބާރުދޭ ހެތްކެކެވެ. އެހެންކަމުން ވަސީމާ ނިންމީ، މި ރޭ އެ ކޮޓަރިއަށް ނިދަން ނިޔަމް ނުވައްދާށެވެ. އެ ކޮޓަރީގައި ފައިސަލް ބާއްވާށެވެ.

ފައިސަލް އެ ކަމާ އެއްބަސްވިއެވެ. ހިތާ ދެކޮޅަށެވެ. ދަރިފުޅަށް ޓަކައެވެ. އޭނާގެ ކަންބޮޑުވުން ގުޅިފައި އޮތީ، ދަރިންނަށް ކުރިމަތިވަމުން އަންނަ ކަންތައްތަކާއެވެ. މުނިޔާގެ ދިރިއުޅުމަށް ވަނީ ރާޅެއް އަރާފައެވެ. ނިޔަމްގެ ހާލަތު ދީލާމިލަނީ އެހެން ދިމާއަކަށެވެ. މާދަމާގެ ހާލަތަކީ ކޮބައި ބާވައެވެ؟ ސަހަރާއެއް ފަދަ މި ދިރިއުޅުމުގެ ހަނަފަސްކަން، އެއް ދުވަހުން އަނެއް ދުވަހަށް މި ދަނީ ބޮޑުވަމުންނެވެ. އަޑިގުޑަންތައް އަންނަނީ އިތުރުވަމުންނެވެ.

ނިޔަމްގެ ކޮޓަރީގައި، ފިކުރާއި ޚިޔާލުގެ އޮއިގަދަ ކަނޑުއޮޅިއެއްގައި ބަކަތަޅަތަޅާ އޮއްވާ، ފައިސަލްގެ ދެ ލޮލަށް ނިދީގެ ދީލަތި އެހީތެރިކަން ލިބިއްޖެެއެވެ. އޭރު ގަޑިން ބާރަޖަހަނީއެވެ.

އަރާމު ނިންޖަކަށް ގެނބިފައި އޮތް ފައިސަލަށް ހޭލެވުނީ، ކަންފަތް ދޮށުގައި މީހަކު ގޮވާލި އަޑު އިވިފައެވެ. އެ ވަގުތު ސިހިފައި ލޯ ހުޅުވައިލެވުނެވެ. ކޮޓަރިއަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު ވެސް އޭނާގެ ކަންފަތުގައި އެ އަޑު ގުގުމާފައި ހުއްޓެވެ.

ފައިސަލަށް ވަށައިގެން އެކި ދިމަދިމާއަށް ކަޅި ހިންގައިލެވުނެވެ. ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އޭނާއަށް ފެނުނީ، ކޮޓަރީ ދޮރުދަށުން ކޮޓަރިތެރެއަށް ފޭދިފައި ހުރި އަލިކަމެވެ. މި ރޭ މި އޮތީ ގެއިން ކަރަންޓު ގޮއްސައެއްް ނޫނެވެ. ގޭގައި ކަރަންޓު އެބަ ހުއްޓެވެ. ނިވިފައި މި ވަނީ މި ކޮޓަރީގެ ބޮތްކެވެ. މި ކަން އެނގުމާއެކު، ފައިސަލްގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.

ފައިސަލް އުޅުނީ އަވަހަށް އެނދުން ފައިބާށެވެ. ފަހަރެއްގައި ނިދާބޮކި ނިވުނީ ކަމަށް ވެސް ވެދާނެއެވެ. މިއީ އޭނާ ގަދަކަމުން ހިތަށް ވެއްދިގޮތެވެ. އޭނާ ބޭނުންވީ ސުވިޗްބޯޑު ކައިރިއަށް ދާށެވެ. އެ ވިސްނުމުގައި އެނދުން ފައިބައިގެން ހިނގައިގަތްތަނާ، އޭނާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފިއެވެ. ކޮޓަރީގައި ހުރި ބޮޑު އަަލަމާރި ކައިރީގައި ކަޅު ހިޔަންޏެއް ހުރިތަން ފެނިފައެވެ. އާދައިގެ އިންސާނަކަށްވުރެ އިސްކޮޅުން ދިގު، މޮޓާ ހިޔަންޏެކެވެ. ފައިސަލަށް ހުރެވުނީ ކަޅިޖަހައިނުލައި އެ ހިޔަންޏާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓާ އެ ހިޔަނި ހަރަކާތްކުރާން ފަށައިފިއެވެ. މި މަންޒަރު ފެނުމާއެކު، އޭނާގެ ހިތުގެ ބިރުވެރިކަން ވަކިން ބޮޑުވެއްޖެއެވެ. ލިބުނު ކުއްލި ސިހުމާއެކު، އަވަސް އަވަހަށް ދޮރާ ދިމާއަށް ހިނގައިގަނެވުނެވެ.

ފައިސަލް ބާރުބާރަށ ް ގޮސް ތަޅުގައި ހިފިއެެވެ. އޭނާ ބޭނުންވަނީ، މި ބިރުވެރި ކޮޓަރިން ވީ އެންމެ އަވަހަކަށް ނިކުންނާށެވެ. އެހެންނަމަވެސް އެ ކަން ވާ ގޮތެއް ނުވިއެވެ. ތަޅު އަނބުރައެއް ނުލެވުނެވެ. ދެ ފަހަރު، ތިން ފަހަރު ހިފައިގެން ވެސް ނޭނބުރުނެވެ. ދޮރު ހުޅުވޭތޯ ހިފައިހިފައި ހުޅުވޭގޮތެއް ވެސް ނުވިއެވެ. ފައިސަލްގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވަކިން ބޮޑުވެއްޖެއެެވެ. ހަދާނޭގޮތް ހުސްވެއްޖެއެވެ. އޭނާއަށް އެނބުރި ބަލައިލެވުނީ އަލަމާރިއާ ދިމާއަށެވެ.

އެ ވަގުތު ފެނުނު މަންޒަރުން ފައިސަލްގެ މުޅި ހަށިގަނޑު އެކީއެކަށް ތެޅިގަތެވެ. ރޫރޫއަޅައިގަތެވެ. އިސްތަށިތައް ކޮޅަށް ޖެހުނެވެ. ހަށިގަނޑުތެރޭގައި ހިނގަހިނގާ ހުރި ލޭގެ ހިތުން އެތައް ގުނައަކަށް އެރިއެވެ. އާއެކެވެ. އެ ހިޔަނި މަޑުމަޑުން އެހެރަ އަންނަނީ އޭނާއާ ދިމާއަށެވެ. އަތެއް ފަޔެއް ހަރަކާތްކުރުމެއް ނެތިއެވެ. ދެ ފައި ބިމުގައި ޖެހިފައި ހުރި ތަނެއް ވެސް ނުފެނެއެވެ.

ގަތް ބިރެއްގެ ބޮޑުކަމުން، ތެޅިގެންފައި، އަނެއްކާވެސް ފައިސަލަށް ހިފުނީ ތަޅުގައެވެ. ގައިގައި ހުރި ބާރެއް ލާފައި، ދޮރު ހުޅުވާން ހިފައިލިއެވެ. އެހެންނަމަވެސް ދޮރެއް ނުހުޅުވުނެވެ. އޭނާ ދޮރުފަތުގައި ދެ އަތުން ބާރަށް ތަޅައިގަތެވެ.

“ވަސީމާ! ވަސީމާ! އަހަރެން ސަލާމަތްކުރޭ!” އަޑުގައި ނެތްތަނަށް ފައިސަލް ގޮވަންފެށިއެވެ.

“ކޮން ބޭކާރު މަސައްކަތެއް ތި ކުރަނީ؟ އެކަކަށް ވެސް ކަލޭގެ އަޑެއް ނީވޭނެ!” ފައިސަލްގެ ކަންފަތުގައި ޖެހުނީ، ބިރުވެރި ނާމާން އަޑެކެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު، އޭނާގެ ހަރަކާތްތަކަށް ވަގުތުން ހުއްޓުން އެރިއެވެ. އެ ހިޔަންޏާ ދިމާއަށް އެނބުރި، ދޮރުފަތުގައި ލައްގަނެވުނީ ބޭއިޚުތިޔާރުގައެވެ. އޭރު އެ ބިޔަ ކަޅު ހިޔަނި ހުރީ، އޭނާއާ ދޮޅު ފޫޓެއްހައި ކައިރީގައެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްގެން އެ ހިޔަންޏާ ދިމާއަށް ބަލަން ހުރެވުނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ދަލުން ފޯވަމުންދެއެވެ. ހަށިގަނޑުގައި ރޫރޫ ނާޅާ އެންމެ ތަންކޮޅެެއް ވެސް ނެތެވެ. މޭ ތެޅެމުންދާ އަޑު ކަންފަތަށް ފޯރައެވެ.

“ތީ… ތީ… ކާކު؟” ހަށިގަނޑެކޭ އެއް ފަދައިން، ފައިސަލްގެ އަޑު ވެސް ތުރުތުރުއަޅައެވެ.

“ކާކުހޭ؟” އެ އެތީގެ ރުޅިވެރި އަޑުން ކޮޓަރިތެރެ ގުގުމައިލިއެވެ. “މީ ކާކުކަން އަދި އެނގޭނެ!”

ރުޅިވެރިކަމުން ފުރިފައިވާ އެ ޖުމުލައާއެކު، އެ ހިޔަނި ކުއްލިއަކަށް ފައިސަލްގެ ލޯމަތިން ޣައިބުވެއްޖެއެވެ. ހަމައެއާއެކު ކޮޓަރީގައި ހުރި ނިދާބޮކި ކުއްލިއަކަށް ދިއްލިއްޖެއެވެ. އޭރު ކޮޓަރީތެރެއަށް އޮލަ ދުންގަނޑެއް ފޭދެމުން ދެއެވެ. މޫނުމަތީން ހިއްލާފައި ހުރި ދާތިކިތައް ދެ އަތުން ފޮހެލަމުން، ފައިސަލަށް އަވަސް އަވަހަށް ކޮޓަރީގެ އެކި ދިމަދިމާއަށް ބަލަންފެށުނެވެ. ސިހިސިހި ހުރެއެވެ. އެއްވެސް ދިމާއަކުން އެ ހިޔަންޏެއް އޭނާއަކަށް ނުފެނުނެވެ. އެހެންނަމަވެސް ހިތަށް ވެރިވެފައިވާ ބިރުވެރިކަމަކަށް ލުޔެއް ނުލިބެއެވެ.

ފައިސަލް ބޭނުންވީ އަވަހަށް އެ ކޮޓަރިން ނިކުންނާށެވެ. އެއީ ރޫހާނީ މަޚުލޫޤެއްކަން އޭނާއަށް ކަށަވަރެވެ. އެ އެތި ފެންނާން ނެތަސް، ކޮޓަރީގައި އުޅޭނެއެވެ. އޭނާގެ ގައިގައި ޖެހިފިތިގެން ވެސް ހުރެދާނެއެވެ. އެހެންކަމުން އަނެއްކާ ވެސް އޭނާ މަސައްކަތްކުރީ ދޮރު ހުޅުވޭތޯއެވެ. އެހެންނަމަވެސް މި ފަހަރު ވެސް އެ ކަމެއް ނުވިއެވެ. ދޮރުފަތެއް، ތަޅެއް ގުޑައެއް ނުލިއެވެ. ހީވަނީ އެކަތިގަނޑު ހެންނެވެ.

ދޮރުހުޅުވޭތޯ މަސައްކަތްކޮށްކޮށް ވަރުބަލިވުމުން، ފައިސަލަށް ޖެހުނީ އެކަން ހުއްޓައިލާށެވެ. އޭނާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ގޮތް ހުސްވުމުންނެވެ. ހިތަށް ލުޔެއް ލިބޭތޯއެވެ. ހަދާނޭ ގޮތެއް ކުރާނޭ ކަމެއް ނޭނގި، އަނެއްކާ ވެސް އެނބުރި ކޮޓަރިތެރެއަށް ބަލައިލެވުނެވެ. އެއާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ލިބުނު ސިހުމާއި ގަތް ބިރެއްގެ ބޮޑުކަމުންނެވެ. އޭނާގެ ގައިގައި ޖެހޭނުޖެހޭހައި ކައިރީގައި، އޭނާއާ ދިމާއަށް ކަޅިއަޅައިގެން، ހުރީ ސަލީމެވެ. ސަލީމްގެ މޫނުމަތިންނާއި ކަޅިރަވައިން  ފެންނާން ހުރީ ރުޅިވެރިކަމާއި ނަފުރަތުގެ އަލިފާނެވެ.

ގަތް ބިރެއްގެ ބޮޑުކަމުން، ތެޅިގެންފައި ފައިސަލަށް ދުއްވައިގަނެވުނީ ކޮޓަރީގެ އަނެއް ފަރާތަށެވެ. ސަލީމާ ދުރަށެވެ. އެދިޔަ ގޮތަށް ގޮސް، އަނެއް ފަރާުތު ފާރުގައި އޭނާ ތަތްވެގަތެވެ. މާނޭވާ ލެވެމުން ދިޔަ ފައިސަލްގެ ނަޒަރު އޭރު ހުއްޓިފައި ހުރީ، ދޮރުކައިރީގައި އޭނާއަށް ފުރަގަސްދީގެން ހުރި ސަލީމާ ދިމާއަށެވެ.

“ތީ… ތީ…. ކާކު؟” ބިރުން ވިރިވިރި ހުރެ، ފައިސަލަށް އަހައިލެވުނެވެ. އެއީ ސަލީމް ނޫންކަން އޭނާއަށް އެނގެއެވެ.

ފައިސަލްގެ ސުވާލަކަށް ސަލީމުގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭނާ އެ ހުރި ފިޔަވަޅުމަތީގައި ގުޑުމެއް ވެސް އަރުވާނުލައި ހުއްޓެވެ. އެހެން އިރުކޮޅަކު ހުރެފައި، މަޑުމަޑުން ފައިސަލާ ދިމާއަށް އެނބުރުނެވެ. އެއާއެކު އޭނާގެ ވިހަގަދަ ނަޒަރު ހުއްޓުނީ ފައިސަލްގެ މޫނަށެވެ. ފައިސަލަށް ހުރެވުނީ، ދެ ލޯ ބޮޑުކޮށްގެން ބަލާށެވެ. އިރުކޮަޅަކުން ފެނުނީ ފައިސަލާ ދިމާއަށް އެ މަޚުލޫޤު ހިނގައިގަތްތަނެވެ. ލަސް ފިޔަވަޅުތަކެއްގައެވެ. ފައިސަލަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

“ތީ.. ތީ… ސަލީމެއް… ނޫން! މަގޭ… ގާތަށް… ނާދޭ!” މިހާރު ފައިސަލްގެ ދެ ފައި ބިމުގައި ހަރެއް ނުލައެވެ.

ފައިސަލްގެ އެ ޖުމުލައާއެކު، އެ މަޚުލޫޤުގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ފައިސަލަށް އަދިވެސް ހުރެވުނީ، އެ އެއްްޗާ ދިމާއަށް ބަލަހައްޓައިގެންނެވެ.

“އާނ! ތި ބުނީ ރަނގަޅަށް! މީ ސަލީމެއް ނޫން! ސަލީމްގެ ސިފައިގައި ހުއްޓަސް، މީ ސަލީމެއް ނޫން!” އެ މަޚުލޫޤުގެ ބަރު އަޑުު ކޮޓަރިތެރޭގައި ގުގުމައިލިއެވެ.

“ކީއްވެތަ އަހަރެން ތި ބިރުގަންނުވަނީ؟ އަހަރެން ކަލެއަށް ކީއްތަ ކުރީ؟” ފައިސަލަށް ބިރުން ހުރެ ބާރުބާރަށް ބުނެވުނެވެ.

“ކީއްހޭ ކުރީ؟ ކީއްތަ ކަލޭ ނުކުރަނީ؟” އެ އެތީގެ މޫނުމަތީގައި އަލިފާން ހިފި ކަލައެވެ. މުޅި މޫނަށް އަނގުރުކުލަ އެރިއެެވެ. މި މަންޒަރު ފެނިފައި ފައިސަލްގެ ދެފައި ބިމުން ކެޓިގެން ދިޔައެވެ. “ކަލޭ ތިހިރީ މަށަށް ވަރަށް ބޮޑު އަނިޔާއެއް ދީފައި. ވަރަށް ބޮޑު ހިތްދަތިކަމެއް ދީފައި. މަގޭ ހިތުން އެންމެ ހިނދުކޮޅަކަށް ވެސް އެ ކަމެއް ނުފިލާ!”

“ނޫން! ނޫން! ތީ ދޮގެއް! ތީ ބޮޑު ދޮގެއް! އަހަރެން ކަލެއަކަށް އަނިޔާއެއް ނުދެން!” ފައިސަލަށް ރޮވުނެވެ. ބިރުގަތްލެއް ބޮޑުކަމުންނެވެ.

“ދޮގެކޭ؟ އަނިޔާއެއް ނުދެމޭ؟ ކޮބައިތަ އަނިޔާއަކީ؟” އެ މަޚުލޫޤުގެ ބާރު އަޑުން، މުޅި ކޮޓަރި ކުދިކުދިވެގެން ފޭބި ކަހަލައެވެ. ފައިސަލްގެ ކަންފަތް ބައްވިއެވެ. އޭނާއަށް އަވަސްއަވަހަށް، ދެ ކަންފަތްމަތީގައި އަތްއެޅުނެވެ. “ކަލޭ ތިހިރީ އަހަންނަށް ވަރަށް ބޮޑު އަނިޔާއެއް ދީފައި.”

“އަހަންނަށް ކުށެއް ކުރެވިފައިވާ ނަމަ މާފުކޮށްދީ!” ރޮވިފައި ހުރެ ފައިސަލް މާފަށް އެދެންފެށިއެވެ.

“މާފުކުރުމަކީ އަހަރެމެންގެ ނަސްލުގައި އޮންނަ ކަމެއް ނޫން! އަހަރެމެންގެ އޮންނާނީ ބަދަލު ހިފުން! ކަލޭގެ މުޅި އާއިލާގެ ކިބައިން އަހަރެން ބަދަލު ހިފާނަން! އެކަކަށް ވެސް ސަލާމަތެއް ނުވެވޭނެ!” ބިރުވެރި އަޑުފަށްގަނޑަކާއެކު، ފައިސަލްގެ ލޯމަތިން އެ އެތި ކުއްލިއަކަށް ގެއްލިއްޖެއެވެ.

“ނޫން! ނޫން!” ފައިސަލަށް ރޮއިގަނެވުނެވެ. “ހެޔޮނުވާނެ! އާދޭސްކޮށްފަ މި ބުނީ؟ އަހަރެންގެ ދަރިންކޮޅާއި އަނބިމީހާއަށް ދެރަ ގޮތެއް ނަހަދާތި!” އެކި ދިމަދިމާއަށް ކަޅި ހޫރަމުން، ފައިސަލް ރޮމުން އާދޭސްކުރަމުން ގެންދިޔައެވެ.

އެ މަޚުލޫޤު ގެއްލުމާއެކު، ހުރި ތަނަށް ފައިސަލް ތިރިވިއެވެ. ބިރުވެރިކަމާއެކު އެކި ދިމަދިމާއަށް ބަލަމުން، ރޯން އެތައް އިރަކު އޭނާއަށް އިނދެވުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ދަލުން ފެންވެރިފައި އިނދެއެވެ.

“ތިހެން އިނދެގެން ކަމުދާކަށް ނެތް! އަވަހަށް ޓީވީ ބަލައިލަބަލަ!” އާއިލާގެ މީހެއްކަމަށްވާ ޝަކީބާ ގުޅާންފެށުމުން، ވަދީފާ ފޯނުނެގުމާއެކު، އޭނާއަށް އިވުނީ ޝަކީބާގެ އަވަަސްއަރައިގެންފައިވާ އަޑެވެ.

“ޓީވީ ހުރީ ނިވާލާފަ.”

“ހުޅުވަބަލަ! އަވަސްކުރޭ!”

“ކިހިނެއްވީ؟ ކޯއްޗެއްތަ ދައްކަނީ؟” ވަދީފާ ތެދުވެގެން ކުރިއަށް ހިނގައިގަތްއިރު، އޭނާގެ ހިތް ތެޅެއެވެ. އޭނާއަށް ހީކުރެވުނީ ކަމުގައި އޮތް އެންމެ ނުބައި ކޮށެވެ.

“ސުވާލު ގިނަ ނުކޮށް އަވަސްކޮށްބަލަ!” ޝަކީބާ ފޯނު ކަނޑައިލިއެވެ.

ވަދީފާ ގޮސް ޓީވީ ހުޅުވިއެވެ. ތުރުތުރުއަޅާ އަތަކުންނެވެ. އޭރު ޓީވީން އަންނަނީ ސަލީމުގެ ކޮޓަރީގައި މަރުވެފައި އޮއްވާ ފެނުނު އަންހެންކުއްޖާގެ ތަޙުޤީޤާ ގުޅޭގޮތުން، ފުލުހުން ބާއްވާ ނޫސް ކޮންފަރެންސެވެ. ވަސީމާއަށް ޓީވީ ހުޅުވި ގޮތަށް، އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރާފައި، ޓީވީއަށް ބަލަހައްޓައިގެން ހުރެވުނެވެ. ފުލުހުން ދޭ މަޢުލޫމާތު އަޑުއަހާށެވެ.

ފުލުހުން ހާމަކުރިގޮތުގައި، މަރުވެފައިވަނީ މަރިޔަމް އަފާ ނަމަކަށް ކިޔާ، އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު ތަނާއި ތާރީޚާއި ވަގުތާއި އޭރު އެ ކުއްޖާ އޮތް ހާލަތާއި މި ހުރިހައި މަޢުލޫމާތެއް ފުލުހުން ހާމަކުރިއެވެ. އެއަށްފަހު މިހާތަނަށް ތަޙުޤީޤުން ފާހަގަކުރެވުނު ކަންކަން، ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

އަފާގެ ހަށިގަނޑު ފެނުނު އިރު އޮތީ، ކަޅު ކޮތަޅަކަށް ލައި އައްސާފައި، އެ ކޮޓަރީގެ އެނދުތަންދޮށުގައެވެ. އޭރު އަފާގެ ހަށިގަނޑަކު އަންނައުނެއް، ފައިވާނެއް، ބޫޓެއް، ގަހަނާއެއް ފަދަ އެއްވެސް އެއްޗެއް ނެތެވެ. އަފާގެ ހަށިގަނޑު ބެލިބެލުމުން، ޖިސްމާނީ އެއްވެސް އަނިޔާއެއްގެ ނިޝާނެއް ވިޔަސް ފެންނާކަށް ނެތެވެ. އަދި ރޭޕްކޮށްފައިވާ ކަމުގެ ހެއްކެއް ވެސް ނެތެވެ. އެހެންކަމުން އަފާގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވައިގެން ވަނީ ޕޯސްޓްމޯޓަމް ހަދާފައެވެ. ޕޯސްޓްމޯޓަމްގެ ރިޕޯޓުން ދައްކާގޮތުގައި، އަފާ މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. އަދި މަރާލާފައިވާ ތާރިޚާއި ވަގުތު ވަނީ މިހާރު ދެނެގަނެވިފައެވެ. އެހެންނަމަވެސް މިއީ ތަޙުޤީޤުކުރަމުން އަންނަ މައްސަލައަކަށް ވާތީ، އޭގެ ތަފުސީލަކަށް ފުލުހުން އަލިއަޅުވައެއް ނުލައެވެ.

މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަލީ ސަލީމު މި ކަމަށް އަންނަނީ އިންކާރުކުރަމުންނެވެ. އެހެންކަމުން ގާތިލު ދެނެގަތުމަށް ޓަކައި، ފުލުހުން އަންނަނީ ރެއާއި ދުވާލު މަަސައްކަތްކުރަމުންނެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން، ފުލުހުންނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތެވެ. އޭގެބަދަލުގައި ފުލުހުންނަށް ލިބިފައިވަނީ، ވަރަށް ބޮޑު ހައިރާންކަމެކެވެ. ސަބަބަކީ އަފާގެ ހަށިގަނޑުން އެއްވެސް މާއްދީ ހެއްކެއް (ފޮރެންސިކް އެވިޑެންސްއެއް) ފެނިފައި ނުވާތީއެވެ. އަދި ކޮޓަރީގެ އެއްވެސް ތަނަކުން އަދި އެއްވެސް އެއްޗަކުން ވެސް، ސަލީމު ފިޔަވައި، ދެވަނަ މީހެއްގެ ފިންގަރޕްރިންޓެއް، އިސްތަށްޓެއްހައި މިންވަރު ވެސް ފެނިފައެއް ނުވެއެވެ.

ފުލުހުން ވަނީ އެ ސަރަޙައްދުގެ ސީސީޓީވީ ކެމެރާތަކުގެ ފްޓޭޖުތައް ވެސް ބަލާފައެވެ. އެހެންނަމަވެސް ސަލީމްގެ ކޮޓަރި ހުންނަ ގޯޅީގައި ހުރި ސީސީޓީވީ ކެމެރާ ހުރީ ހަލާކުވެފައެވެ. އެ ކެމެރާއަށް ރެކޯޑުވެފައި ހުރީ، މީގެ ދޮޅުމަހެއްހައި ދުވަސް ކުރީގެ މަންޒަރުތަކެވެ. އެހެންނަމަވެސް އެ ގޯޅިއާ ގުޅިފައިވާ ބޮޑު މަގުގައި ހުރި ހުރިހައި ކެމެރާތަކެއްގެ ދެ ހަފުތާގެ (336 ގަޑިއިރުގެ) ފްޓޭޖް، ފުލުހުން ވަނީ ބަލައި ތަޙުޤީޤުކޮށްފައެވެ. ހައިރާންވާން ޖެހެނީ، އެއިން އެއްވެސް ފުޓޭޖަކުން، ކަމަށް ޝައްކުކުރެވޭ އެއްވެސް މީހަކު ފެނިފައި ނުވާތީއެވެ. އަފާގެ ފޯނަށް ގުޅާފައި ހުރި ނަންބަރުތަކުގެ ތެރޭގައި ވެސް، މި ކަމަށް ޝައްކުކުރެވޭ ފަދަ އެއްވެސް މީހެއްގެ ކޯލެއް ފާހަގައެއް ނުކުރެވެއެވެ. އެހެންކަމުން މި ކޭސްގައި އެހެން މީހެއްގެ ބައިވެރިވުން އޮތްކަމުގެ އެއްވެސް ހެއްކެއް، މިހާތަނަށް ފުލުހުންނަށް ލިބިފައެއް ނުވެއެވެ.

ފުލުހުންގެ ނިއުސް ކޮންފަރެންސް ނިމުމާއެކު، ވަދީފާއަށް ރޮއިގަނެވުނެވެ. ސަލީމަށް ސަލާމަތެއް ނެތްކަން ކަށަވަރުވުމުންނެވެ. ކޮޓަރީގައި ތިބި ސާމިނާއި ސަނާއަށް، މަންމަ ރޮއިގަތް އަޑު އިވުމުން އަވަސް އަަވަހަށް ނިކުތެވެ.

“ކިހިނެއްވީ މަންމާ!” ކޮޓަރިން ނިކުތް މުނިޔާއަށް، ވަސީމާ އިން ގޮތް ފެނިފައި، އަވަސްއަވަހަށް އަހައިލެވުނެވެ.

“ކުރާނެކަމެއް ނެތް! ސަލީމްބެގެ ދުވަސް ހިނގައްޖެ!” މުނިޔާގެ މޫނަށް ވަސީމާ ބަލައިލީ، ފެންކަޅިވެފައިވާ ދެ ލޮލުންނެވެ.

“ކީއްވެ ތިހެން ތި ބުނީ؟” މުނިޔާއަކަށް ނުވިސްނުނެވެ.

“ދެންމެ ފުލުހުން ނޫސް ކޮންފަރެންސް ބާއްވައިފި.” ނޫސް ކޮންފަރެންސްގައި ދެއްްކި ވާހަކަތައް ކުރު ގޮތަކަށް މުނިޔާއަށް ވަސީމާ ކިޔައިދިނެވެ.

“ހާދަ ދެރައޭ!” މުނިޔާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. “އަހަރެންގެ ހިތެއް ނުބުނޭ ސަލީމްބެ އެ ކަހަލަ ކަމެއް ކޮށްފާނެއެކޭ.”

“ކީކޭ ދެން ބުނާނީ؟” ވަސީމާގެ ހިތަށް އަރަނީ ސަލީމު އެ ވަނީ، އެ ކުށް ކޮށްފައި ކަމަށެވެ. ފިރިހެނުންނަށް އިތުބާރުކުރާކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ. ކުރެވިފައިވާ ތަޖުރިބާތަކުގެ ނަތީޖާކަމަށް ވެސް ވެދާނެއެވެ.

“ބައްޕަ ކޮބާ؟”

“މިހާރު ވީ ބޭރުގަ. މިއަދު މަސައްކަތަކު ވެސް ނުދޭ. ވަރަށް ފާޑަކަށް މިއަދު ބައްޕަ ހުންނަނީ. ބަލީހޭ އެހީމަ ވެސް މާ ބޮޑު އެއްޗެއް ނުބުނި.”

“ކޮއްކޮގެ ކަންތަކާ މާ ބޮޑަށް ވިސްނަނީ ކަންނޭނގެ! ސަލީމްބެގެ ކަންތައް ބައްޕައަށް އެނގިއްޖެއްޔާ އަދި ވާނެ ގޮތެއް ވެސް ނޭނގެ.”

“ކޮބާ ކޮއްކޮ؟”

“އެބަ އޮތް ކޮޓަރީގައި. މިހާރު ކުޑަކޮށް ރަނގަޅު.” ނިޔަމް އޮތީ މުނިޔާގެ ކޮޓަރީގައެވެ.

“ކިހިނެއްތަ މި އާއިލާއަށް މި ވަނީ؟ މަންމައަށް ހާދަ ބޮޑަށް އެބަ ފިކުރުކުރެވެއޭ. ކޮންމެވެސް މީހެއްގެ އެސްފިންނާ މި އާއިލާއަށް ޖެހިއްޖެ!” ވަސީމާ ދެ ލޯ ފޮހެލިއެވެ. “ބައްޕަ ބަލިވެއްޖެ! މަންމަ ވެސް ބަލިވާން ފަށައިފި. ނިޔަމް އޮތް ހާލު އެ އޮތީ. މުނިޔާގެ ދިރިއުޅުން ވެސް ހަލާކުވީ”

“ނޫން މަންމާ!” ވަސީމާގެ މާޔޫސްކަމުން ބަނަވެ، ކުރަކިވެފައިވާ މޫނަށް ބަލަހައްޓައިގެން ހުރެ، މުނިޔާ އަވަސްއަވަހަށް ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންގެ ދިރިއުޅުމުގައި މިހާރު ނެތް އެއްވެސް މައްސަލައެއް މަންމާ! ސާޖީ މިހާރު ހުރީ މުޅިން ބަދަލުވެފަ. އިރާދަކުރެއްވީތީ، އޭނާއަށް މިހާރު ހެޔޮ ވިސްނުން ލިބިއްޖެ!”

މުނިޔާގެ އެ ވާހަކައަށް ވަސީމާ އެއްވެސް އެއްޗެއް ނުބުނެއެވެ. އިސްދަށަށް ޖަހާލައިގެން އިނީއެވެ. އެހެންނަމަވެސް ވާހަކަ ކުރުކޮށްލާކަށް މުނިޔާ ބޭނުމެއް ނުވިއެވެ.

“މަންމާ! ސާޖީ ގެއަށް ގެންނަންތަ؟” ފުރުސަތުގެ ބޭނުން މުނިޔާ ހިފިއެވެ. “އޭރުން ގޭތެރެއަށް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ވެސް އަންނާނެ.”

ވަސީމާ މި ފަހަރު ވެސް ބަހެއް ނުބުންޏެވެ. އިން ގޮތަށް އިނީއެވެ. އޭނާގެ ކަންފަތާ ހަމައަށް މުނިޔާގެ އަޑު ފޯރާހެން ވެސް ހީނުވެއެވެ. މުނިޔާއަށް ހުރެވުނީ، މަންމައާ ދިމާއަށް ބަލާށެވެ. އޭނާ އިންތިޒާރުކުރަމުން ގެންދިޔައީ، މަންމަގެ ފަރާތުން ލިބޭނޭ ޖަވާބަކަށެވެ.

“މަންމާ!” ތިންހަތަރު މިނެޓަށްފަހު، މަޑުމަޑުން މުނިޔާ ގޮވައިލިއެވެ.

“ތި ދައްކާ ވާހަކަ މަންމައަށް އެބަ އިވޭ!”

“ސާޖީ ނެތީމަ…. ވަރަށް އެކަނިވެރި…!”

މުނިޔާއަށް ރޮވިއްެޖެއެވެ. އޭނާ އަވަސްއަވަހަށް މޫނުގައި އަތް އެޅިއެވެ. އިރުކޮޅަކުން ދެ އަތްތިލައިގެ ދަށުން ކަރުނައިގެ ތެތްކަން ފެންނާންފެށިއެވެ. މި ހިތްދަތި މަންޒަރު ފެނިފައި ވަސީމާގެ ހިތަށް ތޫނު އެއްޗެއް ހެރުނުކަމުގެ އިހުސާސްކުރެވުނެވެ. މޭދަށުގައި ތޫނު ދިލައެއް އުފެދުނެވެ.

“އެންމެ ރަނގަޅު! ސާޖިދުގާތު ބުނޭ ގެއަށް އަންނާށޭ!” ވަސީމާގެ ކުރަކިވެފައިވާ އަޑު، މުނިޔާގެ ކަންފަތުގައި ޖެހުމާއެކު، މޫނުމަތިން ދެ އަތް ނަގައި، ވަސީމާގެ މޫނަށް އޭނާ ބަލައިލިއެވެ. ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ. އޭރު އޭނާގެ ދޮން މޫނު ވަނީ ރަތްވެފައެވެ. ކަރުނައިން ތެމިފައެވެ. އެހެނަސް ދެ ލޮލުން އޮހެމުން ދިޔަ ކަރުނައަށް ވަނީ ހުއްޓުމެއް އައިސްފައެވެ.

“މަންމަ އެއްޗެއް ބުނިންތަ؟” އިވުނު އަޑާމެދު މުނިޔާއަށް ޔަގީންނުވެ ހުރެ މަޑުމަޑުން އަހައިލިއެވެ.

ވަސީމާ ބޯ ޖަހައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ.

“ދަރިންގެ ހިތަށް ލިބޭ އަނިޔާގެ ސަބަބުން، މައިންގެ ލަގޮނޑީގައި އަޅާވޭން، އެހެން މީހަކަށް އިހުސާސެއް ނުވާނެ! މުނިޔާ ބޭނުންގޮތަކަށް ތި ކަން ނިންމާ! މަންމަގެ މައްސަލައެއް ނެތް!”

ވަސީމާ ތެދުވެގެން ހިނގައްޖެއެވެ. މުނިޔާއަށް އެ ހުރި ފިޔަވަޅު މަތީގައި ހުއްޓުންއަރާފައި ހުރެވުނެވެ. އޭނާ ހުރީ ދެން ހަދާންވީ ގޮތެއް ނޭނގިފައެވެ. ރޮއިގަންނާންވީ ބާވައެވެ؟ އަޑުގައި ނެތްތަނަށް ހޭންފަށާންވީ ބާވައެވެ؟ އަވަހަށް ފޯނު ނަގައި ސާޖީއަށް ގުޅައި މި އުފާވެރި ޚަބަރު ދޭންވީ ބާވައެވެ؟ ވަގުތުން ސާޖީ ގެއަށް ގެނެސް، ހަޔާތުގެ އުނިވި ބާބު ފުރިހަމަކުރާން ފަށަންވީ ބާވައެވެ؟ އޭނާގެ އަތަކަށް، ފަޔަކަށް ހަރަކާތެއް ނައެވެ. ހަރަކާތް އައީ ކަރުނައަށެވެ. ދެ ލޯ އެ ކަމަށް ފަހިކޮށްދިން ފުރުސަތުގެ ބޭނުން ކަރުނަ ހިފިއެވެ. މުނިޔާގެ ކަނޑެއް ފަދަ ދެ ލޯ ދޫކޮށް، ތިރިއަށް އޮހިގަތެވެ.

“ތީ ފިނޑިންގެ ސިފައެއް! އަވަހަށް ތި ކަރުނަތައް ފޮހެލާ! ތި ކަހަލަ ކަންކަމުގައި ޖެހޭނީ ހިތްވަރާއެކު ކުރިމަތިލާން!”

ފައިސަލްގެ ކުރިމަތީގައި އިނީ، އޭނާއާއެކު މަސައްކަތުގައި އުޅޭ ޒުބޭރެވެ. އެ ދެ މީހުން ތިބީ، ކާނިވާ ސަރަޙައްދުގައެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެވެ. ޒުބޭރު އެ ތަނަށް އައީ، ފައިސަލް ގުޅާފައި އަންނާން ބުނުމުންނެވެ. ޒުބޭރަކީ ފައިސަލަށްވުރެ އުމުރުން ދުވަސްވެފައި ހުރި، ހަރުދަނާ ސިފަތަކެއް ލިބިފައިވާ މީހެކެވެ. ޒުބޭރާ ބައްދަލުކޮށްލަން ފައިސަލް ބޭނުންވީ އެހެންވެއެވެ. އޭނާއަށް ދިމާވެގެން އުޅޭ ކަންތައްގަނޑާމެދު މަޝްވަރާކޮށްލާށެވެ. ރޭ އޭނާއަށް ދިމާވި ހާދިސާ އޭނާ ޒުބޭރަށް ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ. އޭނާއަށް ރޮވުނީ ނިޔަމްއަށް ދިމާވި ހާދިސާގެ ވާހަކަ ފެށި ހިސާބުންނެވެ.

“ކިހިނެއް މި ކަމުން ސަލާމަތްވާން ހަދާނީ؟ މަށަށް ހީވަނީ އެ މަންޖެއަށް ވެސް ޖެހިގެން މި އުޅެނީ މި ކަންތައްހެން!”

“ޝައްކެއް ވެސް ނެތް! ތި އުޅެނީ ހަމަ އެއް ކަމެއް! ތިކަމުގައި އުފެދޭ ސުވާލަކީ، އެ ގޮތަށް ބަދަލުހިފަން އަންނާންޖެހޭ ސަބަބު. ސަބަބަކާ ނުލައި އެ ގޮތަކަށް ޖިންނި ޝައިޠާނުން އިންސާނުންނަކާ ދިމައެއް ނުކުރާނެއޭ މީހުން ބުނަނީ. ފައިސަލް ތި ބުނަނީ އެ ކަހަލަ އެއްވެސް ކަމެއް ނުހިނގައޭ!”

“އާނ! އެ ފަދަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ! ނޭނގި ކަމެއް ނުކުރެވޭކަމެއް ނޭނގެ!”

“ބައެއް ފަހަރު އަހަރެމެންނަށް ނޭނގި ވެސް ގޯނާކުރެވިފައި ހުރޭ! ހިނގާ ތި ކަމާ އުޅެމާ! ހުންނާނެ ތި ކަހަލަ ކަންކަން ކޮށް އުޅޭ ރަނގަޅު މީހަކު.”

“ކޮން ނަމެއް ކިޔާ މީހެއް؟”

“ނޫރައްދީން ކިޔާނީ.”

“ރަނގަޅު މީހެއް؟”

“އާނ! ވަރަށް އިތުބާރު ބޮޑު މީހެއް. ދެން މާ ބޮޑަށް އެ ކަމާ ނުވިސްނާ!”

“ނުވިސްނަން އުޅުނަސް ވިސްނެނީ.”

“ފައިސަލްގެ އަމަލުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނާން އެބަ ޖެހޭ! ދުނިޔޭގައި ކޮންމެ ފަދަ ގޮތަކަށް ވެސް އަހަރެމެންނަށް އުޅެވިދާނެ! ކަމެއް ދިމާވާނީ ބުނެފައެއް ނޫން!”

“މިހާރު ހުރިހާ ނަމާދެއް ވެސް ކުރަން!” އަވަސްއަވަހަށް ފައިސަލް ބުންޏެވެ.

“ތި އުޅޭ ވިޔާނުދާ އުޅުން ވެސް ހުއްޓާލަން އެބަ ޖެހޭ.” ފައިސަލްގެ އުޅުން ހުންނަ ގޮތް ޒުބޭރަށް ވެސް އެނގެއެވެ.

“މިހާރު އެ ކަހަލަ އެއްވެސް ކަމެއް ނުކުރަން! ވަރަށް ރަނގަޅަށް އުޅެވޭތޯ މި ބަލަނީ.”

“ރަނގަޅަށް އުޅޭ މީހަކަށް އެއްވެސް ކަމެއް ދެރަ ގޮތަކަށް މިންވަރެއް ނުކުރައްވާނެ! ކޮންމެ ކަމެއްގައި ވެސް އޮތް އެންމެ މޮޅު ފަރުވާއަކީ ދުޢާކުރުން. ކޮންމެ ނަމާދަކަށްފަހު ދުޢާކުރަން ވެސް އާދަކުރޭ! ހިނގާ އެ ގެއަށް ޖައްސާލަން!”

“ތި ގޮތަށް ހުރިހާ ކަމެއް ވެސް ކުރާނީ. ވިދާޅުވި ގޮތެއް.” ސާޖިދުގެ އުޅުން މި ދުވަސްކޮޅު ބަހައްޓަންވީ ގޮތް މުނިޔާ ކިޔައިދިނުމުން، އެ ކަމަށް ސާޖިދު އެއްބަސްވީ، ހިތުން ރުހުމުން ހިނިތުންވެ އޮވެއެވެ. މަންމަގެ ރުހުމުގެ ކަށި، ސާޖިދާ ދިމާއަށް ހުއްޓިފައި ހުންނަން އަބަދު ވެސް މުނިޔާ ބޭނުންވެއެވެ.

“ބަނޑަށް ވިއްޔާ ބަނޑަށް ދޯ!” ހީނލަމުން އުފަލާއެކު ސާޖިދުގެ ގައިގައި މުނިޔާ ބައްދާލިއެވެ. އެ ދެމަފިރިން ތިބީ ކޮޓަރީގައެވެ. ނިދަން އޮށޯވެއެވެ. އޭރު ގަޑިން ނުވަގަޑި ބައިވަނީއެވެ.

ސާޖިދު އެ ގެއަށް އައީ، އެ ރޭ އިޝާނަމާދުން ފައިބައިގެންނެވެ. އޭނާ ގެއަށް ވަންއިރު، ވަސީމާއާއި ފައިސަލް ސިޓިންރޫމުގައި ތިއްބެވެ. އަސަރެއް ނެތް ހިނިތުންވުމަކުން ހިނިތުންވެލަމުން، ސާޖިދަށް ފައިސަލް ގޮވައިލިއެވެ. ކިހިނެއްތޯ އެހިއެވެ. ވަސީމާ ބަލައި ވެސް ނުލިއެވެ. އިސްދަށަށް ޖެހިގޮތަށް އިސް އުފުލައި ވެސް ނުލިއެވެ. ސާޖިދާ މެދު އޭނާގެ ހިތް އަދި ވެސް ސާފެއް ނޫނެވެ. އެއީ އޭނާގެ މިޒާޖެވެ. ބަދަލުކޮށްލުން ވާނީ ބުރަ ކަމަކަށެވެ.

ސާޖިދު އައުމުން، ނިޔަމްގެ ހިތް އުފަލުން ފޮޅުނެވެ. އެ މަންޖެ ދުވެފައި ކަހަލަ ގޮތަކަށް އައިސް ސާޖިދުގެ ގައިގައި ކުޑަކުއްޖަކު ފަދައިން ލޯބިން ބައްދާލިއެވެ. ސާޖިދު ވެސް ނިޔަމްގެ ގައިގައި ބައްދާލިއެވެ. ދޮންތަބެ ނެތުމުން ވަރަށް ދެރަވެއޭ، ދެން މި ގެއިން ނުދައްޗޭ ބުނަމުންނެވެ. މި މަންޒަރު ބަލަން ހުރި މުނިޔާގެ ހިތަށް މި މަންޒަރުން އުނދަގޫތަކެއް ވިއެވެ. މިހާރު ނިޔަމްއަކީ ކުޑަކުއްޖެއް ނޫނެވެ. ބޮޑު ކުއްޖެކެވެ. އެހެންކަމުން އެ ގޮތަށް އައިސް އޮޅުލައިގަތުން މުނިޔާއަށް މާ ކަމުދާ ކަމަކަށް ނުވިއެވެ. އެހެންނަމަވެސް އޭނާ އެ ކަމަކާ އެއްޗެއް ނުބުނެއެވެ.

ދުވަސްތަކަކަށް ފަހު، ސާޖިދާ ބައްދަލުވުމުން މުނިޔާ ހުރީ އުފަލުން ފުރިފައެވެ. އޭނާއަށް ދެ އީދު އެއްފަހަރާ އައިސްފައިވާ ކަހަލައެވެ. ސާޖިދަށް އެންމެ މީރު ކާނާ އޭނާ ތައްޔާރުކުރިއެވެ. ފެންފޮޅިއާއި ކުޅިރިހައެވެ. ސާޖިދު އަންނާންވާއިރަށް ފެންވަރައި ރީތިވިއެވެ. ސާޖިދަށް އެންމެ ރީތި ހެދުން ލިއެވެ. އެންމެ މީރު ވަސްދުވާ ސެންޓު ޖެހިއެވެ. އެންމެ ކަމުދާ ގޮތަށް މޭކަޕް ވެސް ކުރިއެވެ. ސާޖިދުގެ އުފަލަށް ޓަކައި އޭނާ ނުކުރާ ކަމެއް ނެތެވެ. ފަޅުވެ މަރުވެފައިވާ އެ ގެއަށް ސާޖިދުގެ ފަހަތުން، އުފަލާއި ދިރުން ޒިޔާރަތްކުރިއެވެ.

“ބަނޑަށޭ؟” މުނިޔާގެ މޫނަށް ސަމާސާގޮތަކަށް ސާޖިދު ބަލައިލަމުން އެއް ލޯ މަރައިލިއެވެ.

ސާޖިދު ބުނި އެއްޗެއް މުނިޔާއަށް ވިސްނުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ. އޭނާ ސާޖިދުގެ މޭގެތެރޭގައި ބޮނޑިވެލަމުން ހީނގަތެވެ.

“ދެން ސާޖީ!” މުނިޔާގެ އަޑާއި ރާގުގައި ހުރި ތުއިކަން، އޭނާގެ ހަރަކާތުން ވެސް އައީ ފެންނަމުންނެވެ. “އެއީ އެ ބަސް ކިޔާ ގޮތޭ!” އެހެންޏާ ދުވަހަކު ވެސް އުފާނުވާ ވަރަކަށް މި ރޭ މުނިޔާ އޮތީ އުފާވެފައެވެ.

“ކުރިން ކިޔާ ގޮތަށް، އެއްވެސް ބަހެއް މި ރޭ ކިޔާކަށް ބޭނުމެއް ނޫން! މި ރޭ ކޮންމެ ބަހެއް ވެސް ކިޔާނީ، އާ ގޮތަކަށް. އާ ރާގަކަށް. ތަފާތު ލަހުޖާއަކަށް.” ސާޖިދުގެ އަޑު މަސްތީ ރަހައިން ކަޅިވާން ފެށިއެވެ.

މުނިޔާއަށް އެ ވަގުތު ސާޖިދުގެ މޫނަށް ބަލައިލެވުނެވެ. އެ މޫނުގައި ޖެހެމުން ދިޔަ ކުލަވަރަށެވެ. ކުޑަވަމުން ދިޔަ ދެ ލޮލަށެވެ. ހުޅުވެމުން ދިޔަ ދެ ތުންފަތަށެވެ. އެއީ އޭނާއަށް އަބަދުވެސް ވަރަށް ރީތި މަންޒަރެކެވެ. ބަލާފޫހިނުވާ މަންޒަރެކެވެ. އެ މަންޒަރު އޭނާއަށް ނުފެންނަތާ މިހާރު އެތައް ރެއެކެވެ. އެހެންކަމުން އޭނާ އޮތީ ކަޅިޖަހާނުލައި، ސާޖިދުގެ މޫނަށް ބަލާށެވެ.

ސާޖިދަށް އަންނަމުން ދިޔަ ބަދަލާއެކު، މުނިޔާގެ ހިއްސުތައް ވެސް މޯޅިޔަށްދެމެލައިފިއެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ސާޖިދުގެ ދެ އަތުގެ ތެރެއަށް ވަދެވުނެވެ. އެ ދެއަތުގެ ހިމާޔަތާއި ރައްކާތެރިކަމަށް ހިތުގެ ފުނުން އެދެވުނެވެ. ސާޖިދުގެ ދެ އަތް، މުނިޔާގެ އެ ދައުވަތު ޤަބޫލުކުރީ ޝަރުތެއް ނެތިއެވެ. ބަދަލަކަށް ނޭދިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާ އެކު، މުނިޔާގެ ދެ ލޯ ކުޑަވަމުން ކުޑަވަމުން ގޮސް މެރުނެވެ.

ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން އިވެމުން ދިޔަ ކުކުރުން، އިސާހިތަކު މަޑު ގިސްލުމަކަށް ބަދަލުވެއްޖެއެވެ. ފައިސަލްގެ ހިތުގައި އަޅާ ވޭން މި ރޭ ވަނީ އިންތިހާގައެވެ. ނުރޯން އޭނާ މަސައްކަތްކުރިއެވެ. ކެތްތެެރިވާން ހިތްވަރުކުރިއެވެ. އެހެންނަމަވެސް ކާމިޔާބެއް ނުވިއެވެ. ދެ ލޮލުން އޮހެމުންދާ ކަރުނައަކަށް ހުއްޓުމެއް ނައެވެ. އެކަނިމާއެކަނި އެހެން އޮވެ، އޭނާ ގިސްލަމުން އެ ދަނީ، އޭނާގެ އެކުވެރިޔާގެ ހިތި ހަނދާނުގައެވެ.

އާއެކެވެ! ސަލީމު ފަދަ އެކުވެރިއަކު ފައިސަލަކަށް ނުލިބޭނެއެވެ. ދުވަހަކު ވެސް ނުލިބޭނެއެވެ. އެ ފަދަ ހިތް ހެޔޮ، އިޚުލާސްތެރި ތެދުވެރިއަކު ނުލިބޭނެއެވެ. އެއީ އޭނާގެ ދެ ދުނިޔޭގެ ރަޙުމަތްތެރިޔާއެވެ. އެ ފަކީރު މި ރޭ، ހާދަ ހިތާމައެއް ކުރާނެއެވެ. ހާދަ ރުއިމެއް ރޯނެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ކުޑަމިނުން ހިތްވަރުގެ ބަހެއް ބުނެލާނެ މީހަކު ވެސް، އޭނާގެ ގާތުގައި ނުހުންނާނެއެވެ.  ކޮން ފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ ކޮން ފަދަ ބޮޑު ހިތްދަތިކަމެއް ހެއްޔެވެ؟ ގަސްތުގައި މީހަކު މެރިކަމުގެ ކުށް، އޭނާގެ މައްޗަށް ސާބިތުވެދާނޭ ކަމުގެ ބިރުވެރި ސިގުނަލް، މިހާރު އެ ވަނީ ލިބިފައެވެ. އެހެންވެއްޖެ ނަމަ، އޭނާގެ މައްޗަށް އިއްވާނީ މަރުގެ ހުކުމެވެ. ޖަލުގެ ކުޑަ ގޮޅީގައި އުމުރު ހުސްކޮށްލުން ނޫން ގޮތެއް ނޯންނާނެއެވެ.

ކަރުނައިގެ އޮއިގަދަ ކަނޑެއްގައި ފަތަމުން ގޮސް، މި ހިސާބަށް އާދެވުނުއިރު، ފައިސަލްގެ ލަގޮނޑިއަށް ވަރަށް ބޮޑަށް ތަދުވެއްޖެއެވެ. ހިންދިރުވާލަން ދަތިވެއްޖެއެވެ. އޭނާ މިހާރު ބޭނުންވަނީ ނިދީގެ ދީލަތި އެހީތެރިކަމެވެ. އެހެންނަމަވެސް ލޯ މަރައިލާކަށް ފަސޭހައެއް ނޫނެވެ. ލޯ މަރައިލުމާއެކު، ފެންނަނީ ސަލީމެވެ. އޭނާގެ ހިތާމައިން ފޯވެފައިވާ މައުޞޫމު މޫނެވެ. ކަރުނައިން ބަރުވެފައިވާ ވީރާނާ ދެ ލޮލެވެ. ތުރުތުރުއަޅަމުން ދާ ހިކި ދެ ތުންފަތެވެ. މި ފަދަ ހާލެއްގައި ކަރުނައިގެ ތަންމައްޗެއްގައި ފައިސަލް އޮއްވާ، ގަޑިން މެންދަމު ބާރަ ޖަހައިފިއެެވެ.

ބާރަ ޖެހިތާ ގިނަ އިރެއް ނުވެއެވެ. ފައިސަލް އޮށޯވެ އޮތް އެނދު، ކުއްލިއަކަށް ތެޅެލައިފިއެވެ. ފުރަތަމަ އޭނާ ހީކުރީ، ހީވި ގޮތެއް ކަމަށެވެ. އެހެންނަމަވެސް އިރުކޮޅަކުން، ކުރިއަށްވުރެ މާ ބާރަށް ހެލިގެންފިއެވެ. ގަޔަށް ފާޑެއްގެ ހޫނު ވަޔެއް އެޅުނުކަމުގެ އިހުސާސް ވެސް ކުރެވިއްޖެއެވެ. ފައިސަލަށް ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް، ބާލީސް ހިއްލާލައި، ބާލީސް ދަށަށް ބަލައިލިއެވެ. ނޫރައްދީން އޭނާއަތަށް ދިން ކުޑަކުޑަ ތޯލާފުޅި، ބާލީސް ދަށުގައި އޭނާ ބޭއްވި ގޮތަށް އޮތެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“މާ ހަމަޖެހިފައި ތި އޮތީ، ހިތުން މޮޅު ކަމެއް ކޮށްލައިގެން ދޯ!” ކަންފަތް ބުޑުން އިވުނު ވައިއަޑާއެކު ފައިސަލަށް ތެޅެގަނެވުނެވެ. ގައިން ހީބިހި ނަގައިގަތެވެ. އޭނާއަށް އަވަސް އަވަހަށް އެނބުރި ފަހަތަށް ބަލައިލެވުނެވެ.  އެއްވެސް މީހަކު ފެންނާކަަށް ނެތެވެ. ފައިސަލްގެ ހިތް ބިރުވެރިކަމުގެ އޮއިގަނޑެއްގައި ޖެހިއްޖެއެވެ. ހިތުގެ ތެޅުން ހަލުއިވާން ފަށައިފިއެެވެ.

ދެ ފައި ވަށްކޮށްލައިގެން، އެނދުމަތީގައި އިން ފައިސަލްގެ ކަޅި، ކޮޓަރީގެ އެކި ދިމަދިމާއަށް ހުއްޓެމުން ދެއެވެ. އޭނާގެ ހިތަށް އަރަނީ، ހަމަ ކުއްލިއަކަށް ކޮންމެ ދިމާއަކުން ވެސް، ހަމަލާއެއް އަތުވެދާނޭ ކަމަށެވެ. މި ކަހަލަ ބިރުވެރި ވަސްވާސްތަކެއްގައި ހައްޔަރުވެފައި އިންދާ، އޭނާގެ ހަނދާނުގެ ދޮރާށީގައި ޓަކިދިނީ، ނޫރައްދީން ބުނި ބުނުމެވެ.

“ގޭގެ ހަތަރުފާރު ތެރޭގައި މި ފުޅި އޮއްވާ، އެއްވެސް ނުރައްކަލެއް ފައިސަލަކަށް އަދި އާއިލާއަކަށް ވެސް ނާންނާނެ!”

މި ޖުމުލަ ހަނދާނަށް އައުމުން، ފައިސަލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި، އަނެއްކާ ވެސް އޭނާ ސިއްސުވާލައިފިއެވެ.

“މަށާ ދެކޮޅަށް މީހަކު ލައްވާ ތި ހެން ކަމެއްކުރިޔަސް، ހަމަޖެހުމެއް ލިބޭނޭކަމަށް ހީ ނުކުރައްޗޭ!”

“ކީއްވެތަ އަހަރެންގެ ފަހަތުން އަބަދު ތި އުޅެނީ؟” ކޮންކަމެއްތަ އަހަންނަށް ކުރެވުނީ؟” ބިރުން ފިތްކެނޑިފައި އިނދެ، އެހެންނަމަވެސް ހަރުކަށި ރާގަކަށް ފައިސަލް އެހިއެވެ. އެއީ ނޫރައްދީން އޭނާއަށް މަޝްވަރާދިން ގޮތެވެ.

“ކޮންކަމެއް ކަލޭ ނުކުރަނީ؟ މުސްލިމެއްގެ ނަމުގައި ހުރެ، މުސްލިމުންނަށް ހަރާންވެފައިވާ ކިތައް ފާފައަށް އަރައިގަތިން؟”

“އަހަރެން މިހާރު ފާފައެއް ނުކުރަން! ނުވެސް ކުރާނަން! އަހަރެން ދޫކޮށްލާ!” ފައިސަލްގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ.

“މަށަށް ހެޔޮ ކަލޭ ދުވަހަކު ފާފައެއް ކުރިޔަސް ނުކުރިޔަސް! އެއީ އަހަރެން ބަލަން ބޭނުންކަމެއް ނޫން!”

“އާދޭސްކޮށްފައި މި ބުނީ! އަހަރެން، އަހަރެންގެ ހާލަށް ދޫކޮށްލާ!”

“ދެން ކަލޭ މަށަށް ދިން އަނިޔާޔޯ؟ އެ ކަމުގެ ބަދަލު ހިފަންވީ ކޮން ގޮތަކަށް؟ ކަލޭގެ ދަރިންގެ ކިބައިންތަ؟ ނޫނީ އަނބިމީހާގެ ކިބައިންތަ؟”

“ނޫން! ނޫން! އެ  މީހުންނަށް ކަމެއް ނުކުރާތި!” ފައިސަލަށް ރޮވުނެވެ.

“އަހަރެން ކަލެއަށް ދޭނެ އެންމެ ފުރުސަތެއް ވެސް ނޯންނާނެ! މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން. ކަލޭ މިއަދު ތި ގަތް ގަނޑު ގަންނަން، މީގެ ފަހުން އެއްވެސް މީހެއް ގާތަށް ދިޔައްޔާ، މުޅި ދުނިޔެއަށް ކަލޭ ބޭޒާރުކޮށްލާނަން! ފަޟީޙަތްކޮށްލާނަން! އެއީ އަހަންނަށް ވަރަށް ފަސޭ ހަކަމެއް.”

“އާނ! ދެން ނުދާނަން! ދުވަހަކު ވެސް ނުދާނަން!” އިތުރު ގޮތެއް ނެތުމުން، ފައިސަލް ވަގުތުން އެއްބަސްވިއެވެ.

“ކަލޭގެ ބާލީސްދަށުގައި މިހާރު ތި އޮތް ފުޅި، މި ރޭ ފަތިސްވުމުގެ ކުރިން މި ގޭން ބޭރުކުރަންވާނެ! އެހެންނޫނީ މާދަމާ ކަލޭގެ ހަޔާތަށް އިރުއަރާނީ، ވަރަށް ހިތްދަތި ޚަބަރަކާއެކު.”

އެއްވެސް މަޚުލޫޤެއް ނުފެނި، ފައިސަލަށް ދިނީ ވަރަށް ވަރުގަދަ އިންޒާރެކެވެ. އޭނާ ގޮތް ހުސްވިއެވެ. އެއަށް ދޭނެ ޖަވާބެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ؟ މި ފުޅި ގެއިން ބޭރަށް ނުނެރެން، ނޫރައްދީން ވަނީ ބުނެފައެވެ. އެކަމަކު ވެސް ނެރެ އެއްލައިލާންވީ ބާވައެވެ؟ އެހެން ހަދައިފި ނަމަ، މި ގެއާއި މުޅި އާއިލާ އެ މަޚުލޫޤަށް ހިތަކަށް ލިބުނީއެވެ. އެކަމަކު އެ ގޮތަށް އެ ކަން ނުކޮށްފި ނަމަ، މާދަމާ ލިބޭނީ ކޮން ފަދަ ހިތި ޚަބަރެއް ކަމެއް ވެސް ނޭނގެއެވެ؟ ގަބޫލުރަންވީ ކާކުގެ ބަހެއް ބާވައެވެ؟ އެ އަނިޔާވެރި ޝައިޠާނާގެ ބަސް ހެއްޔެވެ؟ ނޫނީ މި ކަމުން ސަލާމަތްކޮށް ދިނުމަށް އަތުކުރި އޮޅާލި، ނޫރައްދީންގެ ބަސް ހެއްޔެވެ؟

ފައިސަލް އެނދުމަތީގައި އެ އިން ގޮތަށް ހުއްޓުން އަރާފައި އިނެވެ. އޭނާ އިނީ އަތަކަށް ހިރިލާން ވެސް ނުކެރިފައެވެ. ވަގުތުތައް ގުނެމުން ފާއިތުވަމުން ދެއެވެ. އޭނާގެ މޭގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ހިތަށް ވެރިވެފައިވާ ބިރުވެެރިކަމަކަށް ލުޔެއް ނުލިބެއެވެ. ނުތަނަވަސްކަން ކުޑައެއް ނުވެއެވެ.

ފަސް މިނެޓް ދިހަ މިނެޓަށްވެ، ފަނަރަ މިނެޓް ފާއިތުވެއްޖެއެވެ. ފައިސަލަށް އިންޒާރު ދިން މަޚުލޫޤުގެ ހިލަމެއް ނެތެވެ. ފައިސަލް ދޫކޮށް އެ އެތި ދިޔައީ ކަމެއް، ނޫނީ ފައިސަލްގެ ހަރަކާތްތަކަށް ބަލާން ގާތުގައި ހުރީ ކަމެއް ނޭނގެއެވެ.

އެ މަޚުލޫޤުގެ އަޑެއްބަޑެއް ނީވި، ގިނަ ވަގުތުތަކެއް ފާއިތުވެ ދިޔުމުން، ފައިސަލް ގަސްދުކުރީ، ދެން ކަން ކުރަންވީ ގޮތް އޮޅުންފިލުވުމަށް ޓަކައި ޒުބޭރަށް ގުޅާށެވެ. ނޫރައްދީންގެ ނަންބަރެއް އޭނާގެ އަތަކު ނެތެވެ.

“ނޫރައްދީން ބުންޏެއްނު އެއް ކަމެއް ވެސް ނުކުރެވޭނޭ! އެ ވެރިން ވަރަށް ދޮގު ވެސް ހަދާނެ! އަޅައިލާނެކަމެއް ނެތް! ތި ފުޅި ގޭގައި އޮތްހައި ދުވަހަކު އޭނައަށް ކުރެވޭނެ ކަމެއް ނޯންނާނެ!” ޒުބޭރުގެ އަޑުގައި ހުރީ ނިދީގެ ކުރަކިކަމެވެ.

“އަޅެ ނޫރައްދީނަށް ގުޅާލައިފައި އަހައިލަންވީނު! ވަސީމާއަށް ނޫނީ ދަރިއަކަށް ކަމެއްކޮށްފާނެތީ، މަ ވަރަށް ބިރުގަނޭ!”

“ތީ ހަމަ ހީވާގޮތް! ނުކުރެވޭނެ! ހަމަޖެހިލައިގެން ނިދައިލާ!”  ޒުބޭރު ފޯނު ކަނޑާލިއެވެ.

ފޯނު އަތަށް ލައިގެން، އެ އިން ގޮތަށް ފައިސަލަށް އިނދެވުނެވެ. ޒުބޭރު އެހެން ބުންޏަސް، އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއި ކަންބޮޑުވުމަކަށް ވެސް ބަދަލެއް ނާދެއެވެ. އޭނާގެ ހިތް ބުނަނީ، މި ފުޅި މި ގޭގައި ބާއްވައިފިއްޔާ، މާދަމާ އިރުއަރާނީ އޭނާގެ ކަރުގައި، ހަބަރަށްވުރެ ހިތި ރަހައެއް ލައްވާލައިފައި ކަމަށެވެ.

“ކަލޭގެ ބާލީސްދަށުގައި މިހާރު ތި އޮތް ފުޅި، މި ރޭ ފަތިސްވުމުގެ ކުރިން މި ގޭން ބޭރުކުރަންވާނެ! އެހެންނޫނީ މާދަމާ ކަލޭގެ ހަޔާތަށް އިރުއަރާނީ، ވަރަށް ހިތްދަތި ޚަބަރަކާއެކު.” އެ މަޚުލޫޤުގެ ބިރުވެރި އަޑު ފައިސަލްގެ ކަންފަތުތެރޭގައި ގުމާންފެށިއެވެ. ސިކުނޑީގައި އެނބުރޭން ފެށިއެވެ.

ފައިސަލަށް އެ ތަނުގައި އިންނާކަށް ފަސޭހައެއް ނުވިއެވެ. އޭނާ މަޑުމަޑުން ތެދުވެއްޖެއެވެ. އެނދުން ފައިބައި، ބާލީހާ ދިމާއަށް ޖެހިލިއެވެ. ތުރުތުރުއަޅަމުން ދިޔަ އަތަކުން ބާލީސް ހިއްލާލުމަށްފަހު، އެ ތަނުގައި އޮތް ތޯލާފުޅި ނަގައިފިއެވެ.  އެއަށްފަހު ކަނާތު މުށުތެރެއަށް ފުޅި ލައި، މުށް ބާރުކޮށްލިއެވެ.

 ދެ އަތަށް ކިރެމުން، ހޭރިޔާކުރަމުން ދިޔަ ފިކުރުތަކެއްގައި ހުރެ، މަޑުމަޑުން ފައިސަލް ހިނގައިގަތީ ކޮޓަރިން ނިކުންނާށެެވެ. ކޮޓަރިން ނިކުމެގެން، މަޑު ފިޔަވަޅުތަކެއްގައި އޭނާ މިސްރާބު ޖެހީ، ގެއިން ނިކުންނާށެވެ. ބޭނުމަކީ އެ ފުޅި، އެ ގެއިން ބޭރުކޮށްލުމެވެ.

“މި ފުޅިއަށް ރައްކާތެރިވާތި! ނަމަނަމަ ތި ގޭ ހަތަރު ފާރުން ބޭރަށް މި ފުޅި ނުނެރޭތި! އެ ކަހަލަ ކަމެއް ކޮށްފިއްޔާ ސަލާމަތް ނުވެދާނެ!”

އެ ފުޅި ދެމުން، ވަރަށް ހަރުކަށިކޮށް ނޫރައްދީނު ބުނި ވާހަކަތައް އައިސް، ފައިސަލްގެ ދެ ފައިގައި އޮޅިގަތް ކަހަލައެވެ. އޭނާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފިއެވެ. އެއާއެކު ދެން އޭނާގެ ކަންފަތުގައި ގުގުމާލީ، ޒުބޭރު މި ރޭ ބުނި ވާހަކައެވެ.

“އެ ވެރިން ވަރަށް ދޮގު ވެސް ހަދާނެ! އަޅައިލާނެކަމެއް ނެތް! ތި ފުޅި ގޭގައި އޮތްހައި ދުވަހަކު، ކުރެވޭނެ ކަމެއް ނޯންނާނެ!”

ފައިސަލްގެ މިސްރާބު ބަދަލުވެއްޖެއެވެ. އެނބުރި ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އެ ފުޅި ގެއިން ބޭރުކުރުމަކީ، އެޅޭ ޅަ އެއްޗެއް ކަމަށް، އޭނާގާތު އޭނާގެ ހިތް ތަކުރާތުކޮށް ބުނަންފެށުމުންނެވެ.

ވަގުތަކީ މެންދަމުން އަލިވެ، ދެ ގަޑި ބައި އެހައިކަންހައި އިރެވެ. މާލޭގެ ކާރޫބާރޫ ބޮޑު، ހަލަބޮލި، ހަރަކާތްތައް އަވަސް މަގުތަކުގައި، މި ވަގުތު ވަނީ ހިމޭންކަމެވެ. ދުއްވާ ތަކެއްޗާއި ހިނގާބިނގާވާ މީހުންނަށް ޖާގަ ތަނަވަސްވެފައިވާ މަންޒަރެވެ. އެހެންނަމަވެސް ގިނަ މީހުން  މި ވަގުތު ތިބޭނީ މަރު ނިދީގައެވެ. ދުވާލުގެ ބުރަ މަސައްކަތުން ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ކުޑަކުރުމަށް ޓަކައި އަރާމު ތަންމަތީގައެވެ. އޭގެތެރޭގައި ފައިސަލްގެ އެކުވެރި ޒުބޭރު ވެސް ހިމެނެއެވެ. އޭނާ އޮތީ އޭނާ ކުއްޔަށް ނަގައިގެން އުޅޭ ކޮޓަރީގައި އެކަނިމާއެކަންޏެވެ. ޒުބޭރަކީ އަނތްބެއް، ދަރިއެއް ހުރި މީހެއް ނޫނެވެ. ދުވަހަކު ވެސް ކައިވެންޏެއް ނުކުރެއެވެ. އޭނާއަށް ލިބޭ ފައިސާއަކީ، ރަށުގައި ތިބޭ އޭނާގެ ކޮއްކޮމެންގެ ދިރިއުޅުމަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދޭ ނޫޓުތަކެވެ.

ޒުބޭރުގެ ކޮޓަރީގައި ވަނީ އޮރެންޖުކުލައިގެ ނިދާ ބޮތްކެއްގެ ފަނޑު އަލިކަމެކެވެ. މަތީގައި ބުރު ނޭނގޭވަރަށް އެނބުރެމުން ދާ ފަންކާގެ އަަޑާއި ޒުބޭރުގެ ގުގުރީގެ އަޑު، މެންދަމުގެ ހަމަހިމޭންކަމަކަށް، އެ ކޮޓަރިއަކުން ޖާގައެއް ނުދިނެވެ. ކޮޓަރީގައި ހުރި ތިން ފޫޓު، ހަ ފޫޓުގެ އެނދުގައި، ޒުބޭރު އޮތީ އެއް އަރިއަކަށެވެ. އެހެން އޮއްވާ އޭނާގެ މެރިފައިވާ ދެ ލޮލަށް ކުޑަ ހަރަކާތެއް އައުމަށްފަހު ހުޅުވުނީ، ކޮޓަރީ ދޮރުގައި މީހަކު ޓަކިދޭ އަޑަށެވެ.

ޓަކި ޖަހަނީ ކާކުބާއޭ ހިތައި އިރުކޮޅަކު އޮވެފައި، ޒުބޭރު ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. އެ ވަގުތު އޭނާގެ ނިދި ފިލިއެވެ. ދޮރުމަތީގައި ހުރީ އޭނާ ހިތަށް ވެސް އެރި މީހެއް ނޫނެވެ. މި ފަދަ މެންދަމުގެ ވަގުތަކު، ފައިސަލް އަތުވެދާނޭ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. ހުދުކުލައިގެ ބާ ޓީޝާޓުގަނޑަކާއި މުށިކުލައިގެ ގަޔަށް ދޫ ފަޓުލޫނެއްގައި ހުރި ފައިސަލް ހުރީ އިސް އޮބާލައިގެންނެވެ. ހުރި ގޮތުން ހީވަނީ ކަމަކާ ވަރަށް ފިކުރު ބޮޑުވެފައި ހުރިހެންނެވެ.

“ފައިސަލް! ކިހިނެއްވީ؟ މި އޮތް ދަންވަރު ކޮން ކަމަކު؟” ޒުބޭރަށް ގަޑިއަށް ބަލައިލެވުނެވެ. އޭރު ދެގަޑި ބައިވެ ބޮޑުވެއްޖެއެވެ.

“ހިނގާބަލަ އަހަރެމެން ގޭ ދޮށަށް؟” ފައިސަލް، ޒުބޭރާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ.

“ކޮން ކަމަކު؟” ޒުބޭރަށް އަވަސް އަވަހަށް އަހައިލެވުނެވެ.

“ވަރަށް ބޮޑު ކަމަކު.”

ޒުބޭރު އަހައިއަހައި ވެސް ވީ ގޮތެއް ފައިސަލް ނުބުންޏެވެ. އެންމެ ފަހުން ޒުބޭރަށް މަޖުބޫރުވީ، ފައިސަލާއެކު އެ ގޭ ދޮށަށް ދިޔުމަށް ޓަކައި، ކޮޓަރިން ނިކުންނާށެވެ.

މަގަށް ނިކުތްގޮތަށް ފައިސަލް ހިނގައިގެންފިއެވެ. އިސްދަށަށް ޖަހައިގެން ހުރެއެވެ. ޒުބޭރު ދިޔައީ ފަހަތުންނެވެ. ސައިކަލް ކޮބައިތޯ ދެ ފަހަރަކު ފައިސަލްގާތު އަހައި ވެސް ލިއެވެ. އެހެންނަމަވެސް ފައިސަލްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ޒުބޭރު ހިނގުން ބާރުކޮށްލިއެވެ. ފައިސަލާ ހަމަކުރާށެވެ.

ފައިސަލްގެ އަމަލުތައް ފެންނާންފެށި ގޮތުން، ޒުބޭރުގެ ހިތަށް ކުއްލިއަކަށް ބިރުވެރި ވަސްވާސްތަކެއް ވަދެ، އެ ހިތުގެ ތެޅުން އަަވަސްކޮށްލައިފިއެވެ. ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފިއެވެ. ހިތް ބުނާންފެށިއެވެ. ތި ހެދެނީ ގޯހެކެވެ. ވަރަށް ބޮޑު ނުބަޔެކެވެ. ކުރިމަތީގައި އެ ހުރީ، ފައިސަލްގެ ސިފައިގައި ހުއްޓަސް ފައިސަލެއް ނޫނެވެ. ރޫހާނީ މަޚުލޫޤެކެވެ. ޒުބޭރަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އަޅާކަށް ނުކެރުނެވެ.

ޒުބޭރު ބޭނުންވީ އެނބުރި އައިކޮޅަށް ހިނގައިގަންނާށެވެ. ނޫނެކެވެ. ދުއްވައިގަންނާށެވެ. އެ އެތީގެ ކިބައިން ސަލާމަތްވާށެވެ. މި ޚިޔާލު އައުމާއެކު، އަވަސްއަވަހަށް އެނބުރި އައި ކޮޅަށް ޒުބޭރު ހިންގައިގެންފިއެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއި ހާސްކަމެއްގެ ބޮޑުކަމުން، ދެވޭނުދެވޭ ދިމާއެއް އޭނާއަކަށް ނޭނގެއެވެ. ތަންކޮޅަކަށް ދެވުނުތަނާ މަގު އޮޅިއްޖެއެވެ. ވާވަދެއްޖެއެވެ.

މިހާރު މި ހުރެވުނީ ކިހައި ހިސާބަކުކަމެއް، ދާންވީ ކޮން ދިމާއަކަށް ކަމެއް ދެނެގަންނާކަށް ޒުބޭރަކަށް ނޭނގުނެވެ. އޭނާގެ ދެ ފަރާތުން އިމާރާތްތައް ފެނެއެވެ. ގޭގެ ފެނެއެވެ. އެހެންނަމަވެސް އޭނާ ދަންނަ އިމާރާތެއް، ގެއެއް ނެތެވެ. މާލެއަކީ އޭނާއަށް އާ ތަނެއް ނޫނެވެ. ބާ ތަނެކެވެ. ނުދަންނަ މަގެއް ނުދަންން ގޯޅިއެއްް ނުހުންނާނެއެވެ. އެހެންނަމަވެސް މި ރޭ އޭނާއަށް މި ފެންނަނީ، މުޅިން އާ މާލެއެކެވެ. ދަންނަ އެއްވެސް ތަނެއް ނުފެނެއެވެ.

ޒުބޭރުގެ ހިތް ބިރުވެރިކަމުން ފޯ ކޮށްލައިފިއެވެ. އޭނާ އެނބުރި ފަހަތަށް ބަލައިލިއެވެ. ފައިސަލްގެ ސިފައިގައި ހުރި މީހާ ކޮބައިތޯއެވެ. އޭނާއެއް ނެތެވެ. މަގު އޮތީ ފަޅުވެފައެވެ. އެއްވެސް ކޮޅަކުން މީހަކު ނުފެނެއެވެ. ހަތަރު ފަރާތުން ފެންނަނީ އެކަނިވެރިކަމެވެ.

ދެވޭ ނުދެވޭތަނެއް ނޭނގި ޒުބޭރު ހިނގަމުން ދިޔައެވެ. ބައެއް ފަހަރު ހިނގަމުން، ބައެއް ފަހަރު ދުވަމުންނެވެ. ދެވެނީ ތަންކޮޅަކަށެވެ. ކުރިންމަތިން ފެންނަނީ އަތިރިމައްޗެވެ. އެއާއެކު އޭނާ އަވަސްއަވަހަށް އެނބުރި އައިކޮޅަށް ހިނގައިގަނެއެވެ. އެހެން މަގަކަށް އަޅައެވެ. އަނެއްކާ ވެސް ފޭބެނީ އަތިމައްޗަށެވެ. މި ގޮތުގައި ފަނަރަ ވަރަކަށް މިނެޓް ވީ އިރު، އޭނާ ވަނީ ދާހިއްލައި ފޯވެފައެވެ. ވަރުބަލިވެ މާނޭވާ ލެވިފައެވެ. އެހެންނަމަވެސް އެންމެ ހިނދުކޮޅަކަށް ވެސް އޭނާ މަޑުޖައްސައެއް ނުލައެވެ.

ބައެއް ފަހަރު ހިނގަމުން، ބައެއް ފަހަރު ދުވަމުން ކަހަލަަ ގޮތަކަށް، ފަހަރަކު މަގަކުން، ގޯޅިއަކުން ގޮސް މިހާރު ޒުބޭރު އެ ދަނީ ސަރާސަރު ބޮޑު މަގަކުންނެެވެ. ދެވެނީ އިރަށް ކަމެއް، ހުޅަނގަށް ކަމެއް ނޭނގެއެވެ. މި ފަހަރު ވެސް އޭނާއަށް ގޮސް ފޭބުނީ އަތިރިމައްޗަށެވެ. ރުއް ގަސް ގިނަ، ހޭޅި ބޯ، ހުދު ދޮންވެލިގަނޑެއް އޮތް އަތިރިމައްޗަކަށެވެ. ބިޔަ ރާޅުތައް ހުޅިލާފައި އައިސް، ގޮނޑުދޮށަށް މުގުރަމުން ގެންދެއެވެ. މުޅި މާހައުލުގައި ގުގުމާފައިވަނީ، ބިންދަމުން ދާ ރާޅުގެ އަޑުުފަށްގަނޑެވެ. ޖެހޭ ފިނި ވައިރޯޅި، އޭނާގެ ނޭފަތަށް ގެނެސް ވެއްދީ، ނޯށަށް އުނދަގޫކުރާ ފަރުހަކި ވަަހެވެ.

ޒުބޭރު އުޅުނީ އެނބުރި އައި ކޮޅަށް އަވަހަށް ހިނގައިގަންނާށެވެ. އެެހެންނަމަވެސް އޭނާގެ ފިޔަވަޅަށް ހަރަކާތެއް ނައެވެ. ދެ ފަސް ބެދުނު ހިސާބުގައި ފައި ތަތްވެފައި ހުރި ކަހަލައެވެ. އޭނާގެ ބޮޑުވެފައި ވާ ދެ ލޯ ހުއްޓިފައި ހުރީ، ދުރުގައި ހުރި ގަހެއްގެ ދޮށުގައި އިން މީހަކާ ދިމާއަށެވެ. ރޭގަނޑުގެ ވަގުތުކަމުން އޭނާއަށް އެ މީހާ ފެންނަނީ ކަޅު ހިޔަންޏެއްގެ ސިފައިގައެވެ. އެހެންނަމަވެސް އެއީ އިންސާނެކެވެ. އިންސާނެއްގެ ސިފަތައް ވަކިވެއެވެ. މީހަކު ނުފެންނަތާ އެތައް އިރަކަށްފަހު މީހަކު ފެނުމުން، ޒުބޭރުގެ ބިރުވެރިކަމުން ފިހެވެމުން ދިޔަ ހިތަށް ފިނިކަމެއް ލިބުނުކަމުގެ އިހުސާސްކުރެވުނެވެ.

އެ މީހާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި، ޒުބޭރު ކުރިއަށް ހިނގައިގެންފިއެވެ. މަޑުމަޑުންނެވެ. އޭނާ ބޭނުންވަނީ ދިމާވެގެން މި އުޅޭ ކަންތައްގަނޑު އެ މީހާއަށް ކިޔައިދޭށެވެ. އޭނާގެ ކިބައިން ރައްކާތެރިކަމަށް އެދޭށެވެ. ގެއާ ހަމައަށް ގެންގޮސްދޭން ބުނާށެވެ. މި ވިސްނުމުގައި ދެ އަތް ދެ އަތަށް ފިތަމުން ކަހަލަ ގޮތަކަށް، މަޑުމަޑުން އޭނާ ކުރިއަށް ދިޔައެވެ.

އަށެއްކަ ފޫޓަށް ކައިރިވިތަނާ، ޒުބޭރުގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ކުރިމަތީގައި ފުރަގަސްދީގެން އިން މީހާއާ ގުޅުވައިގެން އޭނާގެ ސިކުނޑީގައި ކުރެހެންފެށި ތަސްވީރެއްގެ ސަބަބުންނެވެ. އެއީ އޭނާއަށް އަމާން ތަސްވީރެކެވެ. އެކަމަކު ނާމާން ބިރުވެރި ތަސްވީރެއް ވެސް މެއެވެ. ކުރިމަތީގައި އިނީ ފައިސަލްއެވެ.

“ފައިސަލް!” ޒުބޭރަށް މަޑުމަޑުން ގޮވައިލެވުނެވެ.

ފައިސަލްގެ ހަށިގަނޑަކަށް ހަރަކާތެއް ނައެވެ. ޖެހި ބުދެއް ފަދައިން އިނީއެވެ. ބިޔަ ރާޅުތަކުން ހަލަބޮލިކޮށްފައިވާ މާކަނޑަށް މޫނުލައިގެންނެވެ. ޒުބޭރު އިރުކޮޅަކު ބަލަން ހުރެފައި، މަޑުމަޑުން ފައިސަލާ ދިމާއަށް ހިނގައިގެންފިއެވެ. ފޫޓެއް ދެ ފޫޓެއްހައި ކައިރިވިތަނާ ކުއްލިއަކަށް ފައިސަލް އެނބުރިއްޖެއެވެ. ރަތް އަނގުރުގަނޑެއް ފަދަ ދެ ލޮލުން ޒުބޭރާ ދިމާއަށް ބަލައިލިއެވެ. މާތްކަލާކޯއެވެ! އެއީ ފައިސަލެއް ނޫނެވެ. ނުބައި ސިފައަކުން ސިފަޖެިފައި އިން ބިރުވެރި މަޚުލޫޤެކެވެ. އެ ވަގުތު ލިބުނު ކުއްލި ސިހުމާއެކު، ޒުބޭރަށް ފަހަތަށް ފުންމައިގަނެވުނެވެ. އޭނާ މަސައްކަތްކުރީ އެނބުރި އައި ކޮޅަށް ދުއްވައިގަންނާށެެވެ. އެހެންނަމަވެސް އެ ކަމެއް ނުވިއެވެ. އިދިފުށަށް ވެއްޓިޖެހިއްޖެއެވެ.

ފައިސަލަށް ހޭލެވުނީ ސިހިފައެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ގަޑިއަށް ބަލައިލެވުނެވެ. ހައެއް ޖަހަނީއެވެ. އިރު އެރުމުގެ ވަގުތު ކުޑަތަންވަނީއެވެ. ރޭ ނިދުނުލެއް ލަސްކަމުން، އޭނާގެ ބޮލަށް ވަނީ ބަރުވެފައެވެ. ހަށިގަނޑު ވަނީ ކަންނެތްވެފައެވެ. އޭނާ ބޭނުންވީ އަނެއްކާ ވެސް އޮށޯންނާށެވެ. އަދި ވެސް ނިދައިލާށެވެ. ހަށގަނޑަށް ލިބިފައިވާ ލޮޑުކަން ފިލާންދެން އަރާމުކޮށްލާށެވެ. އެހެންނަމަވެސް އެ ކަމަށް ހުރަސްއެޅީ، އޭނާގެ ސިކުނޑީގައި އެނބުރިގަތް ޚިޔާލުތަކެވެ. ރޭ އޭނާއަށް ލިބުނު ވަރުގަދަ އިންޒާރުގެ ހަނދާންތަކެވެ.

ފައިސަލް އަވަސް އަވަހަށް އެނދުން ފުންމާލިއެވެ. ނޭވާއަކަށް ވެސް މަޑުޖެހިނުލައި، ހިނގައިގެންފިއެވެ. ކޮޓަރިން ނިކުތުމާއެކު، ވަސީމާ ބަދިގޭގައި އުޅޭތަން ފެނިއްޖެއެވެ. އެ ވަގުތު އޭނާގެ ނުތަނަވަސްކަމަށް ކުޑަލުއިކަމެއް ލިބުނެވެ. އެހެންނަމަވެސް ދަރިންގެ ހާލެއް ނޭނގެއެވެ.

“ކޮބާ ނިޔަމް؟” ފައިސަލަށް އަހައިލެވުނެވެ.

“ހާދަ ހާސްވެފަ ތިިހިރީ! ކިހިނެއްވީ؟” ފައިސަލަށް ސުވާލުކުރެވުނު ގޮތުން ވަސީމާގެ ހިތުގައި ސުވާލު އުފެދުނެވެ.

“ހާހެއް ނުވޭ! ކޮބާތަ އެ މަންޖެ؟” ފައިސަލް ހަމަޖެހިލަން މަސައްކަތްކުރިއެވެ.

“އެބަ އޮތް ކޮޓަރީގަ.”

ވަސީމާގެ ޖުމުލަ ނުނިމެނީސް، ފައިސަލް ހިނގައިގެންފިއެވެ. ކޮޓަރިއާ ދިމާއަށެވެ. އޭނާ ބޭނުންވަނީ ނިޔަމްގެ ހާލު އަމިއްލަ ލޮލުން ދެކޭށެވެ. އެހެންކަމުން އެ ދިޔަ ބާރު މިނުގައި އޭނާ ގޮސް ކޮޓަރި ހުޅުވާ ބަލައިލިއެވެ. އެނދުގައި، އެއް އަރިއަކަށް ކަހަލަ ގޮތަކަށް އޮށޯވެލައިގެން ނިޔަމް އޮތެވެ. ފައިސަލް ފެނިފައި ބައްޕާއޭ ކިޔައި ގޮވައިލިއެވެ.

“ދަރިފުޅުގެ ހާލު ރަނގަޅުތަ؟” ފައިސަލަށް ހުރެވުނީ ނިޔަމްއާ ދިމާއަށް ކަޅިޖަހައިނުލައި ބަލާށެވެ.

“އާނ! މިހާރު އޯކޭ!”

ފައިސަލަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެހެންނަމަވެސް މުނިޔާ މަތިން ހަނދާންވުމާއެކު އަނެއްކާ ވެސް، ނުތަނަވަސްކަމުގެ ކޯރަކަށް އޭނާ ފެތިއްޖެއެވެ. އޭނާ އަވަސް އަވަހަށް ހިނގައިގެންފިއެވެ. މުނިޔާގެ ކޮޓަރިއާ ދިމާއަށެވެ. މުނިޔާގެ ހާލަތު އެނގުމުން ނޫނީ އޭނާގެ ހިތަކަށް ފަސޭހައެއް ނުވާނެއެވެ.

ފައިސަލް އެ ދިޔަގޮތަށް ގޮސް، މުނިޔާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އެ އަޑަށް ބަދިގޭގައި ހުރި ވަސީމާ ބޯ ދިއްކޮޮށް ބަލައިލިއެވެ.

“ކިހނެއް ވެގެން މިއަދު ތި އުޅެނީ؟” އެހެންޏާ ފައިސަލް ނޫޅޭ ގޮަކަށް އުޅޭންފެށުމުން، ވަސީމާއަށް އަހައިނުލައެއް ނުުހުރެވުނެވެ.

“ކަ…ކަމެއް ނުވޭ! މުނިޔާ ހޭލައިފިތޯ ބަލައިލަން!” އަނެއްކާ ވެސް ފައިސަލަށް ޓަކި ޖަހައިލެވުނެވެ.

“ދެން ތި ދޮރުގަ ނުތަޅަަލަބަ!  އުނދަގޫވާނޭ! ސާޖިދު ވެސް މިއަދު އޮންނާނެއެއްނު!”

ފައިސަލްގެ ހިތް ތެެޅެންފެށިއެވެ. ދެ ފަހަރަށް ޓަކި ޖެހުމުން ވެސް، މުނިޔާގެ ޚަބަރެއް ނުވުމުންނެވެ. އޭނާ ބޭނުންވަނީ ކުރިއަށްވުރެ ވެސް ބާރަށް ޖަހާށެވެ. ދެ އަތުން ދޮރުފަތުގައި ތަޅައި ވެސް ގަންނާށެވެ. މުނިޔާއާއި ސާޖިދަށް ހޭލެވެންދެން ތަޅާށެވެ. އެހެންނަމަވެސް ވަސީމާގެ ކަންތަކާހުރެ އެ ކަން ވާކަށް ވެސް ނެތެވެ.

ފައިސަލްގެ ފިޔަވަޅަކަށް ހަރަކާތެއް ނައެވެ. ހުރި ފިޔަވަޅުމަތިން ފައި އުފުލައެއް ނުލެވުނެވެ. އެ ތަނުން ދުރަކަށް ނުދެވުނެވެ. ދެ ފަހަރަށް ޓަކިޖެހުމުން ވެސް މުނިޔާއަށް ހޭނުލެވުނީ ކީއްވެގެން ބާވައެވެ؟ ސާޖިދަށް އަޑުނީވުނީ ކީއްވެ ބާވައެވެ؟ އެ ދެ ކުދިންނަށް މާ ގަދައަށް ނިދުނީކަމަށް ވެދާނެއެވެ. އެކަމަކު މުނިޔާގެ ނިދި އެހައި ގަދައެއް ނުވާނެއެވެ. އެހެންވީއިރު މިއަދު ނުހޭލެވުނީ ކީއްވެގެން ބާވައެވެ؟ އަނެއްކާ މުނިޔާއާއި ސާޖިދަށް ކަމެއް ވީބާވައެވެ؟

ފައިސަލްގެ ޚިޔާލުގެ ކަށި އެނބުރެމުން ގޮސް މިހައި ހިސާބަށް އައުމާއެކު، އޭނާއަށް ދުއްޕާންކުރާ ރޫޙާނީ މަޚުލޫޤުގެ އިންޒާރުގެ ޖުމުލަ ކަންފަތުތެރޭގައި ގުގުމާންފަށައިފިއެވެ. ހިތަށް ވެރިވެފައިވާ ކަންބޮޑުވުމާއި ހާސްކަން އިންތިހާއަށް އަރައިފިއެވެ. ނަތީޖާއަކަށްވީ، ބޭއިޚުތިޔާރުގައި އަނެއްކާ ވެސް ދޮރުފަތުގައި ތަޅައިގަނެވުމެވެ. ދަރިފުޅާ މުނިޔާއޭ ކިޔައި، ބާރަށް ގޮވައި ވެސް ލެވުނެވެ.

“އެކަމަކުވާ ސާބަސް!” މި ފަހަރު ވެސް ފައިސަލްގެ ކަންފަތަށް ވަނީ، ވަސީމާގެ އަޑެވެ. އޭނާގެ ހުންނަ ރުންކުރު ރާގުގައެވެ. “ކިހިނެއް އިރުއަރައިގެން އުޅޭ ދުވަހެއްތަ މީ؟ ހޭލި ގޮތަށް އައިސް ފަހަރަކު ދަރިއަކު ތި ހޯދަނީ! ކިހިނެއްތަ ވީ؟”

ވަސީމާގެ އެ ސުވާލަށް ފައިސަލްގެ ޖަވާބެއް ނެތެވެ. ޖަވާބެއް ނެތީއެއް ނޫނެވެ. ޖަވާބު ދެވެން ނެތީއެވެ.

“ފަތިހު ހޭލައިގެން އުޅެފައި، އިރުކޮޅެއް ވާނީ އަދި އެ މަންޖެ ކޮޓަރިއަށް ވަންތާ. އަދި ނޭނގެ ރަނގަޅަށް ނިދުނުކަަމެއް ވެސް. އައިސް ތި ތަޅަންފެށީ”

ވަސިމާގެ ވާހަކަ މެދުކަނޑައިލީ، މުނިޔާ ކޮޓަރީ ދޮރު ހުޅުވައިލިތަން ފެނިފައެވެ.

“ކިހިނެއްވީ ބައްޕާ!” މުނިޔާ ބޯދިއްކޮށް ފައިސަލްގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނުމައްޗާއި އަޑުގައި ހުރީ ނިންޖެވެ.

މުނިޔާގެ ހުޅުވިފައިވާ ދެ ލޯ ފެނުމާއެކު، ހިތަށް ލިބުނު ލުޔެއްގެ ބޮޑުކަމުން، ފައިސަލަށް ލޯ މަރައިލެވުނެވެ. އެތެރެއަށް ދަމާލި ނޭވާ ކޮޅުންލިއެވެ. ހިތާހިތުން ﷲ އަށް ހަމްދުކުރެވުނެވެ.

“ކަމެއް ނުވޭ ދަރިފުޅާ! ބައްޕަ ހަމަ ގޮވައިލީ.” މުނިޔާގެ ފަރާތުން އިތުރު ސުވާލަކާ ކުރިމަތިލާން ބޭނުންނުވާތީ، ފައިސަލް އަވަސް އަވަހަށް ހިނގައިގަތެވެ.

“ކިހިނެއްވީ؟” ދޮރުލައްޕާ ތަޅުލާފައި، މުނިޔާ އައިސް އެނދުގައި އޮށޯވެ، ސާޖިދުގެ މޭމަތީގައި ބޯ އަޅައިލުމުން، ސާޖިދު އަހައިލިއެވެ.

“ބައްޕަ މިހާރު އެހައި ރަނގަޅެއް ނޫން! ދެންމެ ވެސް ދޮރުހުޅުވީމަ އެ ބުނީ ކަމެއް ނުވެޔޯ! ހަމަ ގޮވައިލީޔޯ!”

“އެއިން އެ ފެންނަނީ މުނީ ދެކެ ބައްޕަ ލޯބިވާ ވަރެއްނު!” މުނިޔާގެ އިސްތަށިގަނޑުގައި ސާޖިދު ފިރުމައިލިއެވެ. “މިހެން ބުންޏަސް، މަށަށްވުރެ ބޮޑަކަށް އެކަކަށް ވެސް ލޯތްބެއް ނުވެވޭނެ އިނގޭ!”

“އަހަރެން މާ ބޮޑަށް ލޯބިވޭ!” ވަގުތުން މުނިޔާ ބުންޏެވެ.

“ކިހާ ވަރަކަށް؟”

“ވަރަށް ވަރަށް ވަރަށް ބޮޑަށް!” ހިނިތުންވެ އޮވެ، ސާޖިދުގެ ތުނބުޅިއާ މުނިޔާ ކުޅެލިއެވެ.

“އޯކޭ! ބިންބިފުކެއް، ހަނޑޫފުކެއް، މަދޮށްޓެއް، ކުކުޅު ބިހެއް، ޓެނިސް ބޯޅައެއް، ފުޓްބޯޅައެއް، ލޭނުބޮތްކެއް، މާލެ، ދިވެހިރާއްޖެ، ދުނިޔެ”

“ކޮން ލިސްޓެއް ތި ކިޔަނީ؟” މުނިޔާ އޮތީ ވާނުވާ ނޭނގިފައެވެ.

“މި ތަނުން ކޯއްޗަކާ އެއްވަރަށް މުނީ މަ ދެކެ ލޯބިވަނީ؟”

ސާޖިދުގެ މި މަޖާ ސުވާލާއެކު، މުނިޔާ ގާތަށް އައީ ހިންޏެވެ. “ތި ދެން މީހުން ސުވާލުކުރާ ގޮތްތަ؟”

“ބުނެބަލަ!” ސާޖިދު ވެސް އޮތީ ހިނިއައިސްފައެވެ.

“ދުނިޔެ.” މުނިޔާ އަދިވެސް ހެނީއެވެ. ލޯބިވާ މިންވަރު ސާޖިދު ޓެސްޓުކޮށްލިލެއް މޮޅުކަމުންނެވެ.

“ނުވިއެއްނު ކަމެއް. އަހަރެން މި ދުނިޔޭގެ ތިން ގުނައަށްވުރެ ވެސް ބޮޑަށް ލޯބިވޭ. އެހެންވީމަ އަހަރެން މާ ބޮަޑަށް ލޯބިވެއެއްނު!”

“އެހެންވިއްޔާ ފަސް ގުނަ، ހަ ގުނަ، ހަތް ގުނައަށް ވުރެ ވެސް ބޮޑަށް ސާޖީދެކެ އަހަރެން ލޯބިވޭ.” ސާޖިދުގެ ގައިގައި މުނިޔާ ވަރަށް ބާރަށް ބައްދާލިއެވެ. ސާޖިދު ވެސް މުނިޔާގެ ގައިގައި ބައްދާލަމުން ބުރަކަށީގައި ފިރުމައިލިއެވެ. އެ ވަގުތު އެ ދެމަފިރިންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ބޭރުން ވަސީމާ ހަޅޭއްލަވައިގަތް އަޑާއި ރޮއިގަތް އަޑު އިވިފައެވެ. ސާޖިދާއި މުނިޔާއަށް ވަގުތުން ފުންމައިގެން ތެދުވެވުނެވެ. ދޮރާ ދިމާއަށް ދުއްވައިގަނެވުނެވެ.

ކޮޓަރީ ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން، ސާޖިދާއި މުނިޔާއަށް ލިބުނީ ވަރަށް ބޮޑު، ކުއްލި ސިހުމެކެވެ. ފެނުނީ ބަދިގެތެރޭގައި ހުރި ވަސީމާގެ ހެދުމުގެ ފަސްބައިގައި ރޯވެފައި ހުރި ތަނެވެ. ވަސީމާ ހަޅޭއްލަވަމުން ތެޅިފޮޮޅޭތަނެވެ. މި މަންޒަރު ފެނިފައި، މަންމާއޭ ކިޔައި ރޮއިގެންފައި މުނިޔާ ދުއްވައިގަތެވެ. އެ ވަގުތު މުނިޔާގެ އަތުގައި ސާޖިދު ހިފެހެއްޓިއެވެ.

“މުނީ މަޑުކުރޭ!”

ސާޖިދު އަވަސްއަވަހަށް ބަދިގެއާ ދިމާއަށް ދުއްވައިގަތެވެ. އޭރު ފައިސަލް ވެސް ކޮޓަރިން ނިކުމެގެން، ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އެ ތަނަށް އަންނަނީއެވެ. ފަހަތުން ނިޔަމް ވެސް އަތުވެއްޖެއެވެ. ފެނުނު ބިރުވެރި މަންޒަރާއެކު، ނިޔަމް ވެސް ފެށީ ރޯށެވެ. މުޅި ގޭތެރޭގައި އަޑުފަށްގަނޑު ގުގުމައިގަތެވެ.

ސާޖިދު އެ ދިޔަ ބާރުމިނުގައި ގޮސް، ސިންކު ކައިރީގައި ހުރި ފެންބާލިދީ ނަގައި، ބަލާކަށް ނުހުރެ ވަސީމާގެ ހެދުމުގެ ރޯވެފައިވާ ދިމާއަށް ޖެހިއެވެ. އެއާއެކު ރޯވެފައިވާ އަލިފާން ނިވިއްޖެއެވެ. އެެހެންނަމަވެސް ދުންއަރަމުންދެއެވެ. އެހެންކަމުން އަޑުގައި ނެތްތަނަށް ސާޖިދު ގޮވައިލިއެވެ.

“އަވަސްކުރޭ! ފާޚާނާއިން ފެންބާލިދީއެއް ގެނޭ!”

ސާޖިދު ހަޅޭއްލަވައިގަތް އަޑާއެކު، ފާޚާނާއާ ދިމާއަށް ފައިސަލް ދުއްވައިގަތެވެ.  އޭރު ސާޖިދު ހުރީ ސިންކު ދަށަށް ބާލިދީ ލަފާލައިގެން ބާލިދީއަށް ފެންފުރާށެވެ. ބާލިދީގެ މެދާހަމައަށް ފެން އެޅުމާއެކު، ދެވަނަ ބާލިދީ ވަސީމާގެ ގަޔަށް އަޅާލިއެވެ. އޭރު ފައިސަލް ވެސް ފެންބާލިދީއެއް ހިފައިގެން އަތުވެއްޖެއެވެ. އިސާހިތަކު ރޯވެފައިވާ އަލިފާން ނިވާލެވިއްޖެއެވެ. އޭރު ވަސީމާއަށް ރަނގަޅަކަށް ނޭވައެއް ނުލެވެއެވެ. ކޮށިއަރަނީއެވެ. ކެއްސަނީއެވެ. ފައިސަލް އަވަސްއަވަހަށް އައިސް ވަސީމާގެ ގައިގައި ހިފެހެއްޓިއެވެ.

“ދަރިފުޅާ! އަވަހަށް ގޮސް އަލަމާރިން މަންމަގެ ހެދުމެއް ނަގާ!” ގޭތެރެއަށް ފެތުރިފައިވާ ދުންތަކުގެ ތެރެއިން، ވަސީމާ އަތުލަފިކޮށްގެން. ފައިސަލް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އެންމެން އަވަސްވެގަތީ، ވަސީމާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. އެމްބިއުލާންސަށް ގުޅިތާ ދިހަވަރަކަށް މިނެޓްގެ ތެރޭގައި އެމްބިއުލާންސް އަތުވެއްޖެއެވެ. ވަސީމާ ގޮވައިގެން އެމްބިިއުލާންސަށް އެރީ ފައިސަލާއި ނިޔަމްއެވެ. ސާޖިދާއި މުނިޔާ ދިޔައީ ސައިކަލުގައެވެ.

ނަސީބު ރަނގަޅުކަމުން ވަސީމާއަކަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނެތެވެ. ދެ ފައިގެ ބައެއް ތަންތަން ފިހުން ފިޔަވައި، ޖިސްމާނީ ގޮތުން ލިބުނު ގެއްލުމެއް ނެތެވެ. އެހެންނަމަވެސް ދުމުގެ އަސަރު އެތެރެހައްޓަށް ކޮށްފައިވާތީ، ނޭވާލާން ވަނީ އުނދަގޫވެފައެވެ. އެހެންކަމުން އޮކްސިޖަން ގުޅާފައި ބޭއްވީއެވެ.

މެންދުރެއްހައި އިރު ވަސީމާ ގެއަށް ދޫކޮށްލައިފިއެވެ. ގެއަށް އައީ އެންމެން އެކުގައެވެ. ގެއަށް އައިއިރު ވެސް ވަސީމާ އުޅެނީ ފިހުނު ތަންތަނުން ދިލަނަގާތީއެވެ. އިސްޖެކްޝަން ޖެހުމުން ދިލަ މަޑުވެފައި ހުރި ނަމަވެސް، އަދިވެސް ދިލައެއް ނުފިލައެވެ.

ވަސީމާއަށް ޑޮކްޓަރު ލަފާދެއްވާފައި ވަނީ އަރާމުކުރުމަށެވެ. އެހެންކަމުން އޭނާ ގޮވައިގެން ފައިސަލް ވަނީ ކޮޓަރިއަށެވެ. ވަސީމާ ކޮޓަރިއަށް ވަދެ، އޮށޯތުމުން، މުނިޔާއާއި ސާޖިދު ދިޔައީ އެ މީހުންގެ ކޮޓަރިއަށެވެ.

މިއަދު މި ކުރިމަތިވި ނުރައްކާތެރި ހާދިސާއާ ގުޅިގެން، ސާޖިދުގެ އެހީތެރިކަން ލިބުނުލެއް ރަނގަޅުކަމުން، މުނިޔާގެ ހިތް އޮތީ ސާޖިދަށް ޓަކައި ލޯބިން ފުރިފައެވެ. މަންމަައަށް ޓަކައި ސާޖިދު އުފުލި ބުރައަކީ، އޭނާދެކެ ސާޖިދު ވާ ފުން ލޯބީގެ ހެތްކެއް ކަމުގައި އޭނާ ގަބޫލުކުރެއެވެ.

“ސާޖީ ހާދަ ރަނގަޅޭ! ތީ ވަރަށް ލޯބި މީހެއް!” ކޮޓަރިއަށް ވަންގޮތަށް މުނިޔާއަށް ސާޖިދުގެ ގައިގައި ބައްދާލެވުނެވެ. އެއާއެކު އޭނާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. އުފަލުން ފޮޅިފައިވާ ހިތަކުން ނިކުތް އުފާވެރިކަމުގެ ކަރުނައެވެ.

“ތި ކަހަލަ ލޯބި ކުއްޖަކު ލިބުނީމަ، އުޅެންވާނީ ވެސް ލޯބިކޮށެއްނު!” މުނިޔާގެ ކަންފަތްދޮށުގައި ވައި އަޑުން ސާޖިދު ބުނެލިއެވެ. އެއަށްފަހު ހިނިތުންވެލަމުން، މުނިޔާގެ މޫނަށް ބަލައިލިއެވެ. “ކީއްވެ މުނީ ތި ރޮނީ؟” މުނިޔާގެ ދެ ލޮލުން ރޮނގަކަށް ފައިބަމުން އަންނަ ކަރުނަތިކި ސާޖިދު ފޮހެލިއެވެ.

“އުފަލުން.” ހިނިތުންވެލަމުން ސާޖިދުގެ މޫނަށް މުނިޔާ ބަލައިލިއެވެ. ކަރުނައިން ތެމި އެކުވެފައިވާ ދިގު އެސްފިޔަތަކާއެކު، އެ ދެ ލޮލުގެ ރީތިކަން މާ ފުރިހަމަހެން ސާޖިދަށް ހީވިއެވެ. “މަންމައަށް ޓަކައި ސާޖީ މިއަދު ތި އުފުލި ބުރައަށް ޓަކައި ވަރަށް އުފާވެފަ މި ހުރީ. ތި ކަހަލަ ފިރިއަކު ލިބުނީތީ އަހަރެން ފަޚުރުވެރިވަން!”

“ތި ކަހަލަ އަގު ވަޒަންކުރާ އަނތްބަކު ލިބުނީތީ، އަހަރެން އަދި މާ ބޮޑަށް އުފާވޭ!” މުނިޔާގެ ގައިގައި ސާޖިދު ބައްދާލިއެވެ. “ލަވް ޔޫ މުނީ!”

އިރުކޮޅަކުން މުނިޔާ އުރާލައިގެން ސާޖިދު ކުރިއަށް ހިނގައިގަތެވެ. އެ ގޮތަށް މުނިޔާ އުރާލުމަކީ، އޭނާ ވަރަށް ގިނައިން ކުރާ ކަމެކެވެ. އެހެންކަމުން މުނިޔާއަކަށް އެ ކަން އާ ކަމަކަށް ނުވިއެވެ. ސާޖިދު ގެންދިޔަ ތަނަކަށް ދާން ރުހިގެން، އޭނާ އޮތެވެ. ބަސްއަހައިގެން އޮތް ތުއްތު ކުއްޖަކު ފަދައިންނެވެ. މުނިޔާ އުރާލައިގެން ސާޖިދު ދިޔައީ އެނދާ ދިމާއަށެވެ. އެނދުމަތީގައި މަޑުމަޑުން މުނިޔާ ބޭއްވުމަށްފަހު، މުނިޔާގެ މޫނަށް އޭނާ ބަލައިލިއެވެ. މުނިޔާގެ ފުންފުން ދެ ލޮލުގެ ތެރެއަށް ފީނައިގަތެވެ.

“ތީ ވަރަށް ލޯބި ކުއްޖެއް!”

މުނިޔާގެ ނަޒަރު ހުއްޓިފައި ވަނީ ސާޖިދުގެ މޫނަށެވެ. އެސްފިޔަ ވެސް ޖަހާނުލައި، ސާޖިދާ ދިމާއަށް މުނިޔާ ބަލަން އޮތްއިރު، އެ ހިތުގައި އުތުރި އަރަމުން، ކޯދުލާ ފައިބަމުން ދިޔައީ، ސާޖިދަށް ޓަކައި އެ ހިތުގައި އުފެދިފައިވާ ލޯތްބެވެ.

“މުނީ!” މުނިޔާ ކަޅިޖަހައިނުލައި ބަލާން ފެށުމުން، ސާޖިދަށް މަޑުމަޑުން ގޮވައިލެވުނެވެ. އޭރު ސާޖިދު އިނީ މުނިޔާގެ މަގަތުގައި އިށީނދެއެވެ. “ކީއްވެ މާ ވަރަކަށް ތި ބަލަނީ؟”

“މިއަދު ސާޖީ ހާދަ ރީއްޗޭ! ވަރަށް ލޯބި މިއަދު!” ދެ އަތް އުފުލައިލައި ސާޖިދުގެ މޫނުގައި މުނިޔާ ފިރުމައިލިއެވެ.

“އައްދޯތް! ތަދުވޭ ތިހެން ހެދީމަ!”

“ފިރުމާލީމަ ވެސް ތަދުތަ ވަނީ؟” ވަސީމާގެ ފައިގައި ފައިސަލް ފިރުމާލުމުން ވަސީމާއަށް ތަދުވިއެވެ.

“އާނ! ތިހާ ހަރު އަތެއް ޖެހުނީމަ ތަދުވާނެއެއްނު! ހީވަނީ މަޑިހަންގަނޑެއް ހެން ވިއްޔަ!”

ފައިސަލަކީ ދެ އަތުން ބުރަ މަސައްކަތް ކޮށްެގެން އުޅޭ މީހެކެވެ. އޭނާ މަސައްކަތްކުރަނީ ވަސީމާއަށް ޓަކައެވެ. އެ ދެމަފިރިންގެ ދެ ދަރީންނަށް ޓަކައެވެ. އެ މީހުންގެ ދިރިއުޅުން އުފާފާގަތި ކުރެވޭތޯއެވެ. އެހެންނަމަވެސް އެއީ ވަސީމާގެ ވަރަށް އާންމު ބުނުމެކެވެ. ކުރީކޮޅު ފައިސަލަށް އެ ކަމުން އަސަރުކުރެއެވެ. އެހެންނަމަވެސް މިހާރަކު އެކަން އޭނާ މާ ބޮޑު ކަމަކަށް ނުހަދައެވެ.

“އިރާދަކުރެއްވިއްޔާ ދެ ދުވަހެއްވަރު ވެލީމަ ވަސީމާ ހަމައަކަށް އެޅޭނެ!” ފައިސަލް ވަސީމާއާ ދުރަށް ޖެހިލިއެވެ. “ކީއްވެތަ އެހައި ފަސޭހައިން ވަސީމާގެ ގައިގައި އަލިފާން ރޯވީ؟” ވަސީމާގެ މޫނަށް ފައިސަލް ބަލައިލިއެވެ.

“ނޭނގެ ވީ ގޮތެއް. މަ ސިންކު ކައިރީގަ ތަށި ދޮންނަން ހުއްޓާ، ކުއްލިއަކަށް ފެނުނީ އަތްދޮށްގަނޑުގައި ހުޅުހިފިތަން. ބިރުން މަށަށް އަތްދޮށްގަނޑު އެއްލައިލެވުނީ ތަޅުގަނޑު މައްޗަށް. އެ ވަގުތު މަގޭ ހެދުމުގައި ރޯވީ.” ވޭން އަޅާ އަޑަކުން ކަންވީގޮތް ކުރުގޮތަކަށް ވަސީމާ ކިޔައިދިނެވެ.

“އުނދުނާ މާ ކައިރީގައި އަތްދޮށް ބޭއްވުނީ ދޯ!”

“ކައިރިއަކު ނޫން ބޭއްވީ. ވަރަށް ދުރުގަ އޮންނާނީ.”

“ދުރުގަ އޮއްވާ ރޯވީ؟” އަވަސްއަވަހަށް ފައިސަލަށް އަހައިލެވުނެވެ.

“އާނ!”

އެ ވަގުތު ފައިސަލްގެ ހިތް ތެޅެލިއެވެ. ހިތަށް އެރިއެވެ. ދުރުގައި އޮއްވާ އަލިފާން އޭގައި ހިފަންވީ ކީއްވެގެން ބާވައެވެ؟ އެ އުޅެނީ ވަސީމާއަށް އޮޅިގެން ބާވައެވެ؟ ނޫނީ މިއީ އެ ނުލަފާ މަޚުލޫޤުގެ އަނިޔާވެރި އަމަލަކީ ބާވައެވެ؟

“ނަސީބެއްނު މާ ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވިކަން.” ޖީބުގައި އޮތް ފޯނު ފައިސަލް ނެގިއެވެ.

“ސާޖިދު ހުރިކަމުން ސަލާމަތް މި ވީ. އެެެހެންނޫން ނަމަ ނޭނގެ ވާނެ ގޮތެއް ވެސް.” ވަސީމާ ލޯ މަރާލިއެވެ.

ވަސީމާގެ އެ ޖުމުލަ ފައިސަލަކަށް ނީވެއެވެ. އޭރު އޭނާ މަސައްކަތްކުރީ ޒުބޭރަށް ގުޅޭތޯއެވެ. މި ހިނގި ހާދިސާ ޒުބޭރަށް ކިޔައިދޭން އޭނާ ބޭނުންވެއެވެ. ޒުބޭރު މެދުވެރިކޮށް، ނޫރައްދީނާ ހަމައަށް ގެންދަން ބޭނުންވެއެވެ. މިއީ ނުރައްކަލެއް ކަމަށް ހިތް ބުނާން ފެށުމުންނެވެ. އެހެންނަމަވެސް ދެ ފަހަރު ތިން ފަހަރު ގުޅުމުން ވެސް، ޒުބޭރު ފޯނެއް ނުނެގިއެވެ.

ފައިސަލްގެ ހިތަށް އެރިއެވެ. ޒުބޭރު މިއަދު ކޮންތާކަށް ވަދެގެން އުޅޭ ދުވަހެއް ބާވައެވެ؟ މިއަދު ހެނދުނު ވެސް އޭނާއަށް ގުޅީމެވެ. މަސައްކަތު ނުދެވޭނެ ވާހަކަ ބުނާށެވެ. އެ ފަހަރު ވެސް ފޯނެއް ނުނަގައެވެ. ފަހަކުން ގުޅައެއް ވެސް ނުލައެވެ. އެއީ އޭނާގެ އާދައެއް ނޫނެވެ. ޒުބޭރު އަނެއްކާ ބަލީ ބާވައެވެ؟

ފައިސަލް ގަޑިއަށް ބަލައިލިއެވެ. ދޭއް ޖަހަނީއެވެ. ނަމާދުނުކޮށް އިން ހަނދާންވެގެން އޭނާ ތެދުވިއެވެ. ނަމާދުކޮށްލައިގެން އެބަ އަންނަމޭ ކިޔާފައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

“މުނިޔާގާތު ބުނެބަލަ އައިސްބަލާށޭ!” ފައިސަލް ހިނގައިގަތުމުން ވަސީމާ ބުންޏެވެ.

ފައިސަލް ކޮޓަރިން ނިކުތްއިރު، މުނިޔާއާއި ނިޔަމް އުޅެނީ ކެއްކުމުގެ މަސައްކަތުގައި ބަދިގޭގައެވެ. އެ ކުދިން ބަދިގޭގައި އުޅޭތަން ފެނިފައި، ފައިސަލްގެ ހިތަށް ބިރުވެރިކަން ވަނެވެ. މިއަދު ވަސީމާއަށް ދިން ކަހަލަ އަނިޔާއެއް މި ކުދިންނަށް ދީފާނެތީއެވެ.

“ދަރިފުޅާ މުނިޔާ! މަންމަ އެބަ ގޮވާ.”

ފައިސަލް ހިނގައިގަތެވެ. މި ކަމުން ސަލާމަތްވާން ކުރެވޭނެ ކަމަކާމެދު ވިސްނަމުންނެވެ.

ކުރަން ހުރި މަސައްކަތް  ބަހައްޓާފައި މުނިޔާ ހިނގައިގަތީ ވަސީމާ ގާތަށް ކޮޓަރިއަށެވެ. ކޮޓަރިއަށް ވަންއިރު ވަސީމާ އޮތީ ލޯ މަރައިލައިގެންނެވެ.

“މަންމާ!”

މުނިޔާގެ މޫނަށް ވަސީމާ ބަލައިލިއެވެ. އެ ވަގުތު އެ ދެ ލޮލުގެ ތެރެއިން މުނިޔާއަށް ފެނުނީ ކަރުނައިގެ މުތީތައް ވިދާންފެށިތަނެވެ. އޭނާ ކޮންމެވެސް އެއްޗެއް މުނިޔާގެ ގާތުގައި ބުނާން ބޭނުންވެެގެން އުޅޭކަން އެނގެއެވެ.

“ކިހިނެެއްވީ މަންމާ!” ވަސީމާގެ މަގަތުގައި އިށީނދެ، ވަސީމާގެ އަތުގައި މުނިޔާ ހިފަހައްޓާލިއެވެ.

“ކީއް ތި ކުރަނީ؟” ވަސީމާގެ އަޑުގައި ވަނީ ލޯތްބާއި ކުލުނެވެ.

“ކައްކަނީ.”

“ކޮބާ ކޮއްކޮ؟”

“ކޮއްކޮ ވެސް އެބަ އުޅޭ ބަދިގޭގައި. މަންމަ މާ ބޮޑަށް ވިސްނަނީތަ؟ އިރާދަކުރެއްވިއްޔާ އެއްވެސްކަމެއް ގޯހެއް ނުވާނެ!”

“ކޮބާ ސާޖިދު؟”

“ނަމާދަށް ގޮއްސަ އަދި ނާދޭ! އެކަމަކު މިހާރު އަންނާނެހެން ހީވަނީ.”

“ސާޖިދު އައިމަ އޭނަ ގޮވައިގެން މަންމަގާތަށް އައިސްބަލަ!”

“އާނ!” މުނިޔާ އަވަސްއަވަހަށް ބޯ ޖަހައިލިއެވެ.

މުނިޔާ ކޮޓަރިން ނިކުމެގެން ދިޔަ އިރު، އޭނާގެ ހިތް އޮތީ ތެޅިތެޅިއެވެ. މަންމަގެ ހިތް ސާޖީއާ މެދު ހެޔޮ ވެއްޖެކަމުގައި އޭނާގެ ހިތް ބުނާންފެށިއެވެ. އެހެން ވެއްޖެ ނަމަ، އުފަލުގެ ކޮޅެއް ނެތެވެ. ސާޖީ ވެސް ވަރަށް އުފާވާނެއެވެ.

މި ކަހަލަ އުފާވެރި ޚިޔާލުތަކެއްގައި މުނިޔާ ގޮސް ބަދިގެއަށް ވަންއިރު، ސާޖިދު ހުރީ ބަދިގޭގައެވެ. ނިޔަމް ކޮށާންހުރި ފިޔާ ތަށި އަތުލައިގެން ކޮށާށެވެ. ނިޔަމް ހުރީ ސާޖިދުގެ ކޮނޑުމަތީގައި އަތް ބާއްވާލައިގެން ސާޖިދުގެ ގައިގައި ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ. ދެ މީހުންގެ މޫނުމަތިން ވެސް އޭރު ފެންނާން ހުރީ ހިނިތުންވުމެވެ. ސަމާސާއެވެ. މި މަންޒަރު ފެނިފައި މުނިޔާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. ހިތުގައި ނުތަނަވަސްކަމުގެ ރާޅެއް އުފުލުނެވެ.

“ދޮންތާ! ނިކަން ބަލައިލަބަލަ! ދޮންތަބެ ހާދަ މޮޅޭ ފިޔާ ކޮށަން!” މުނިޔާ ބަދިގެއަށް ވަންތަން ފެނިފައި، ނިޔަމް ހިނިއައިސްފައި ހުރެ މުނިޔާގެ މޫނަށް ބަލައިލިއެވެ.

ނިޔަމްގެ ހަރަކާތަކުން ވިޔަސް، މޫނުމަތިން ވިޔަސް، މާ ބޮޑު ކަމެއް ކުރެވުނުކަމުގެ ނިޝާނެއް ފާޅެއް ނުވެއެވެ. އެހެންނަމަވެސް ސާޖިދަށް ކޮންމެވެސް ވަރެއްގެ ސިހުމެއް އައިހެން ހީވިއެވެ.

“ނިޔޫއަށްވުރެ މާ މޮޅަށް ދޮންތަބެ ފިޔާ ކޮށާނަން!” ނިޔަމްއާ ދިމާކޮށްލުމުގެ ގޮތުން ހިނިއައިސްފައި ހުރެ ސާޖިދު ބުންޏެވެ. މިހާރު ސާޖިދުގެ މޫނުމައްޗަކުން އެއްވެސް ކަހަލަ ތަފާތު ކަމެއް ފާހަގައެެއް ނުކުރެވެއެވެ.

މުނިޔާގެ ހިތަށް އެެރިއެވެ. ހިތް ނުބައިކުރެވިގެން މި އުޅެވެނީ އަހަންނަށެވެ. މުޑުދާރު ދިމާއަަކަށް ހިތުގެ މިސްރާބު ފަހިކުރެވުނީއެވެ. ކޮއްކޮއާއި ސާޖީގެ ހިތުގައި ގޯސް ވިސްނުމެއް ނެތެވެ. ނުބައި ފިކުރެއް ނެތެވެ. އެއީ މަގޭ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ދެން އެ ހުރީ މަ ދެކެ ނިހާޔަތަށް ލޯބިވާ، މަގޭ ހަލާލު ފިރިމީހާއެވެ.

“އާނ! ދޮންތަބެ ވަރަށް މޮޅުވާނެ!” މުނިޔާ ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލައި ހިނިތުންވެލިއެވެ. “ދޮންބެއަކީ ހުރިހައި ކަމަކަށް ވެސް ވަރަށް ކުޅަދާނަ މީހެއް!” މުނިޔާ ވެސް ބޭނުންވީ އެ މީހުންގެ ސަމާސާގައި ބައިވެރިވެލާށެވެ.

“ތެދެއް! ދޮންތަ އެ ބުނީ ވަރަށް ބޮޑު ތެދެއް!” މުނިޔާގެ އެ ސަމާސާގައި، ސާޖިދު ވެސް ބައިވެރިވިއެވެ.

“ދޮންތަ އެއް އިރަކު ވެސް ދޮގެއް ނުހަދަމޭ ދޯ ކޮއްކޯ؟”

“ނިޔޫއަށް އެނގޭތަ؟ ދޮންތަބެ މޮޅުވީމައޭ ދޮންތަބެއަށް ދޮންތަ ލިބިފައި ވެސް އެހެރީ!” މުނިޔާއާ ދިމާއަށް ބަލައިލަމުން ސާޖިދު އެއް ލޯ މަރައިލިއެވެ.

“ދެން ކޮންމެހެން މާ ފޮނިކަނޑާނެކަމެއް ނެތް!” މުނިޔާ ހިނިތުންވެލަމުން އައިސް، ސާޖިދުގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. “ކޮއްކޮއާ ތި ހަވާލުކޮށްފަ ހިނގާބަލަ!” 

“ކޮންތާކަށް؟” މުނިޔާގެ މޫނަށް ސާޖިދު ބަލައިލިއެވެ.

“މަންމަ ބުނީ ސާޖީ ގޮވައިގެން އައިސްބަލާށޯ!”

“ކިހިނެއްވީ އަނެއްކާ؟ މި ފިޔާކޮޅު ކޮށުނު ގޮތް ގޯސްވީބާ؟” މުނިޔާގެ މޫނަށް ސާޖިދު ބަލައިލުމަށްފަހު، ސިންކު ކައިރިއަށް ޖެހިލައި އަތްދޮންނާންފެށިއެވެ.

“ވެދާނެއެއްނު ދޮންތަބެ މާ ރީތިކޮށް ފިޔާކޮށާތީ ކަމަށް ވެސް.” ނިޔަމް ހިނިއައިސްފައި ހުރެ ފިޔާ ކޮށަންފެށިއެވެ.

ސާޖިދާއި މުނިޔާ ގޮސް، ވަސީމާގެ ކޮޓަރިއަށް ވަންއިރު، ވަސީމާ އޮތީ ލޯ މަރާލައިގެންނެވެ. އެ ދެ ކުދިން ވަން އަޑަށް ވަސީމާ ލޯ ހުޅުވައި ބަލައިލިއެވެ. މުނިޔާ ހުރީ ސާޖިދުގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެ ދެ ކުދިން އައިސް، އެނދު ކައިރީގައި ހުއްޓުނެވެ.

“މަންމާ! މިހިރީ ސާޖީ.”

“މަންމާ!” ސާޖިދު ކުރިއަށް ޖެހިލައި، ވަސީމާއަށް ގޮވައލިއެވެ. “ކިހިނެއް މިހާރު؟ އަދިވެސް ވަރަށް ބޮޑަށް ދިލަނަގާތަ؟” ވަސީމާ އޮތީ ވާހަކަދައްކަން އުނދަގޫވެފައިހެން ހީވުމުން، ސާޖިދު ވާހަކަ ދައްކަންފެށިއެވެ. އޭނާ ބޭނުންވީ މަންމަގެ އެ، ފަސްޖެހުން ކުޑަކުރާށެވެ. ގާތްކަން އުފައްދާށެވެ.

“ކުޑަކޮށް ލުއިވޭ އެބަ.” ސާޖިދާ ދިމާއަށް ވަސީމާ ބަލައިލިއެވެ. އެއަށްފަހު މައްޗަށް ބަލައިލައި، ފަންގިފިލާއާ ދިމާއަށް ކަޅި ހުއްޓައިލިއެވެ. “ސާޖިދުގާތު އަންނަން މަންމަ ބުނީ ވާހަކައެއްް ބުނަންވެގެން.”

“މަންމަ ބޭނުން ކޮންމެ ވާހަކައެއް ވެސް ބުނެވޭނެ! އަަވަހަށް ބުނޭ!”

“މާޒީގައި ކޮންމެ ގޮތަކަށް ކަންކަން ހިނގާފައި އޮތަސް، މަންމަގެ ހިތުގައި ސާޖިދާ މެދު އެއްވެސް ނުރުހުމެއް މިހާރަކު ނެތް!” ވަސީމާގެ މި ޖުމުލައާއެކު، މުނިޔާއަށް ސާޖިދުގެ އަތްތިލާގައި ހިފައި ފިތާލެވުނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

“މަންމަދެކެ ސާޖިދު ލޯބިވާ މިންވަރު މަންމައަށް މިއަދު ވަޒަން ކުރެވިއްޖެ! މަންމަގެ ފުރާނަ މިއަދު ސަލާމަތްވީ ﷲގެ ހެޔޮ ރަޙުމަތާއެކު، ސާޖިދުގެ ހިތްވަރުން. ހޮސްޕިޓަލުގައި ހޭދަކުރި ވަގުތުތަކުގައި ވެސް، ސާޖިދުގެ ކިބަިއން މަންމައަށް ފެނުނީ، އުފަން ދަރިއެއްގެ ކިބައިން ވެސް ނުފެންނާނޭ ފަދަ ގާތްކަމަކާއި އޯގާވެރިކަމެއް.” ވަސީމާގެ ދެ ލޮލުން ކަރުނަ ހިލެމުންދެއެވެ.

މަންމަގެ ވާހަކަތައް އިވިފައި މުނިޔާގެ ހިތް އުފަލުން ފުރުނެވެ. އޭނާގެ ހިތަށް އެރިއެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ މީހުން ބުނަނީ، މިހެންވީމައެވެ. މިއީ ވެސް އެ ފަދަ ގޮތަކަށް ވީ ކަމެކެވެ.

“އަހަރެން ދެކެނީ، ތީ އަަހަރެންގެ ވެސް މަންމަ ކަމަށް.” ސާޖިދު މަޑުމަޑުން ބުނެލިއެވެ.

ނަމާދުން ފޭބިގޮތަށް ފައިސަލް މިސްރާބުޖެހީ، ޒުބޭރު އުޅޭ ގެއާދިމާއަށެވެ. ދިޔަ މަގުމަތީގައި ވެސް އޭނާ ދެ ފަހަރަކު ޒުބޭރުގެ ނަންބަރަށް ގުޅިއެވެ. އެހެންނަމަވެސް ފޯނެއް ނުނަގައެވެ. ސައިކަލް ޕާކުކޮށްލުމަށްފަހު، ފައިސަލް ގޮސް ޒުބޭރު އުޅޭ ކޮޓަރީގައި ޓަކިޖެހިއެވެ. ދެތިން ހަތަރު ފަހަރު ޖެހިއިރު ވެސް ޚަބަރެއް ނުވިއެވެ. ތަޅުގައި ހިފައި އަނބުރާލިއެވެ. ދޮރު ހުރީ ތަޅުނުލައެވެ. އޭނާ ބޯ ދިއްކޮށްލިއެވެ. އެއްވެސް މީހަކު ކޮޓަރިއަކު ނެތެވެ. ދެ ފަހަރަކު ގޮވައިލުމުން ވެސް ޚަބަރެއް ނުވިއެވެ.

ފައިސަލް ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި ހިންގައިލިއެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޒުބޭރުގެ ފޯނެވެ. ޗާޖަށް ޖެހިގޮތަށް މޭޒުމަތީގައި އޮތެވެ. ޒުބޭރު ފޯނު ނުނަގާ ސަަބަބު ފައިސަލަށް އެނގުނެވެ. މިއަދު އޭނާ މަސައްކަތު ދިޔުމަށް ޓަކައި، އެހެރީ މާ އަވަސް އަރުވާލައިފައެވެ. ކުރިން ވެސް އެއް ދުވަހަކު، ފޯނު ބާއްވާފައި އޭނާ މަސައްކަތު ގޮސް އުޅުނެވެ. މިއަދަކީ އެ ކަން ތަކުރާރުވި ދުވަހަކީތާއެވެ.

ފައިސަލް ކޮޓަރިން ނިކުމެ ދޮރުލައްޕާފައި، ހިނގައިގަތީ ސައިކަލާދިމާއަށެވެ. އޭނާގެ މި ވަގުތުގެ މަންޒިލަކަށް ހެދީ ނޫރައްދީން އުޅޭ ގެއެވެ.

ކުލަ ކެހި، ދުވަސްވެ ބާވެފައިވާ ނޫކުލައިގެ ދޮރޯށީގައި ހަރުކޮށްފައި ހުރި ރަނގަބީލަށް ފައިސަލް ފިތާލިއެވެ. ގިނަ އިރުތަކެއް ނުވެ، އެ ގޭގައި ގެންގުޅޭ ބަންގާޅު މީހާ އައިސް ދޮރޯށި ހުޅުވިއެވެ.

“ވަންނަވާ! ނޫރައްދީންބެ ނަމާކުރުރައްވަނީ.” ބިދޭސީއެއް ކަމަކު، އޭނާ ވާހަކަ ދެއްކީ މާތްބަހުންނެވެ. އެ ގެއަށް އަންނަ ކޮންެމެ މީހަކު ވެސް އަންނާނީ، ނޫރައްދީނާ ބައްދަލުކުރަންކަން އޭނާއަށް އެނގެއެވެ.

ފައިސަލް ވަދެ ސިޓިންރޫމުގައި ހުރި ގޮނޑިއެއްގައި ޖައްސާލިއެވެ. އެއީ ކުރީ ދުވަހު ވެސް އޭނާ އިން ގޮނޑިއެވެ. ޖެހިހެން ހުރި ގޮނޑީގައި އެ ދުވަހު އިނީ ޒުބޭރެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒު ދޮށުގައި ހުރި ބޮޑު ގޮނޑީގައި އިނީ ނޫރައްދީނެވެ. މޭޒުމަތީގައި ހުރި ފޮތްތަކަކީ، އޭނާގެ ކަންވެރިކަމުގެ ފޮތްތަކެވެ. އޭނާގެ މަސައްކަތުގެ އެހީތެރި ފަރާތްތަކެވެ.

ކުރިމަތީގައި ހުރި ފާރުގައި ހަރުކޮށްފައި ހުރި ޓީވީއަށް ފައިސަލް ބަލައިލިއެވެ. އޭރު މަސްވެރިކަމާ ގުޅޭ ލަވައެއް ޓީވީއިން ދައްކަމުން ދެއެވެ. ޓީވީގެ އަޑު މަޑުކޮށްފައި ހުރުމުން ލަވައިގައި ކިޔާ އެއްޗެއް އިވެނީ ވަރަށް މަޑުންނެވެ.

މާ ގިނައިރެއްނުވެ ޖެހިގެން ހުރި ކޮޓަރިން ނޫރައްދީނު ނިކުމެއްޖެއެވެ. އޭނާއަކީ ފަންސާހުގެ އަހަރުތައް ގުނަމުން ގެންދާ މީހެކެވެ. ބޮލުގައި ހުދުކުލައިގެ ހައްޖު ތާކިހަލެއް އޮތެވެ. ނިތްމަތީގައި ލާފައި ހުރި ބޮޑު ކުރަގަނޑުން، އޭނާގެ އަޅުވެރިކަން ފެނެއެވެ. ނިކުތީ ޒިކުރުމަތީގައި ހުރެއެވެ. ނޫރައްދީން ފެނުމުން ނިތްއެއްްލަމުން ހިނިތުންވެލިއެވެ. ކޮންކަމަކުތޯ އަހައިލީ، އޭނާގެ ރަސްމީ ޖަގަހައިގައި އިށީނދެފައެވެ.

ނޫރައްދީނަކަށް ފައިސަލް ދެނެއެއް ނުގަނެވުނެވެ. އެހެންކަމުން ފައިސަލަށް ޖެހުނީ ތަޢާރަފުވެލާށެވެ. ޒުބޭރާއެކު އައި މީހާއޭ ބުމުނުން، ވަރަށް ފަސޭހައިން ނަގައިގަނެވިއްޖެއެވެ.

“ކޮބާ ޒުބޭރު؟”

“މަސައްކަތު ގޮސްހެން ހީވަނީ. ފޯނު ވެސް އޮތީ ބާއްވާފަ.”

“މާ އަވަސް އަރުވާލި ދުވަހަކީތާ. ޒުބޭރަކީ ވަރަށް ހެޔޮ ރައްޓެއްްސެއް. މި ގޭގައި ޖެހޭ ކުދިކުދި މަސައްކަތް، އެއްވެސް އަގެއް ނުކިޔާ ކޮށްލަދޭނެ! ހޫނ! ދެން ކިޔާބަލަ! ކިހިނެއް މިހާރު އެ ކަންތައް؟”

ރޭ ދިމާ ކަންތައްތަކާއި މިއަދު ހިނގި އަލިފާނުގެ ހާދިސާ، ވަރަށް ތަފުސީލުކޮށް، ނޫރައްދީނަށް ފައިސަލް ކިޔައިދިނެވެ. ނޫަރައްދީން އިނީ ވަރަށް ސަމާލުކަމާއެކު އަޑުއަހާށެވެ. ފައިސަލްގެ ވާހަކަ ނިމުމުން، އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި، ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭރު ފައިސަލްގެ މޭ ބާރަށް ތެޅެއެވެ. އޭނާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނޫރައްދީން ބުނާނެ އެއްޗެއް ނޭނގޭތީއެވެ.

“ކަންބޮޑުވާނެކަމެެއް ނެތް! އޭނައަކަށް އެއް ކަމެއް ވެސް ނުކުރެވޭނެ!” ނޫރައްދީން ބޯ ހަލުވައިލިއެވެ. އަޑުގައި ހުރީ ޔަޤީންކަމެވެ.

“ޔަޤީން ދޯ!” ފައިސަލަށް ލިބުނު ހަމަޖެހުމާއެކު، ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ.

“ޝައްކެއް ވެސް ނެތް. އެ ފުޅި ތި ގޭގައި އޮތްހައި ދުވަހަކު ޖެހޭނީ، އެ ގޮތަށް ދުރުގައި ހުރެ އިންޒާރު ދޭން! ގަދަ ބަސްބުނަން! ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ! ކުޑަމިނުން ލޮލަށް ފެންނިލާން ވެސް ނުކެރޭނެ!”

“އާނ! ރޭ ވެސް ނުއެއް ފެނޭ. އަޑު އިވުނީ.”

“ތިކަން ވެސް ހުއްޓިދާނެ!”

“އެކަަމަކު ވަސީމާގެ ގައިގައި އަލިފާން ހިފިގޮތުން މަގޭ ހިތަށް އަރަނީ…”

“އަންހެނުންނަށް އޮޅިގެން ތި އުޅެނީ. ތި އަތްދޮށުގައި ހުޅުހިފާނީ އުނދުން ކައިރީގައި ބޭއްވުނީމަ. ކަންބޮޑުނުވޭ! 22 އަަހަރުގެ ތަޖުރިބާއާއެކު ވާހަކަ މި ދައްކަނީ.”

ފައިސަލްގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެއެވެ. ނޫރައްދީންގެ ވާހަކައިގައި ހުރި ޔަޤީންކަމުގެ ބޮޑުކަމުންނެވެ. އިރުކޮޅަކު ނޫރައްދީނާ ވާހަކަ ދައްކާލަން އިނދެފައި، އޭނާ ގަސްދުކުރީ ގެއަށް ދާށެވެ. ނޫރައްދީންގާތު ދެން ދަނީއޭ ބުނެފައި، އޭނާއަށް ތެދުވެ ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ޓިވީން “ބްރޭކިން ނިއުސް” އެއް އަންނަކަން އިއުލާންކޮށްފިއެވެ. ނޫރައްދީން ޓީވީ ބާރުކޮށްލިއެވެ. ފައިސަލް ވެސް މަޑުކޮށްލިއެވެ.

“މަރުވެފައި އޮތް މީހަކު މާލޭ ދެކުނުފަރާތު ފަޅުތެރެއިން ފެއްނިއްޖެ!”

ޚަބަރުގެ ސުރުޚީ އިވުމާއެކު، ފައިސަލްގެ ދެ ލޯ ވެސް ޓީވީގައި ތަތްވިއެވެ. ވަރަށް ކަނުލައި ޚަބަރު އަޑުއަހަންފެށިއެވެ. ޚަބަރުން އެނގުނީ، އެއީ ފިރިހެނެއްކަމެވެ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ނެތްކަމެވެ. އެހެންނަމަވެސް ކޮން ރަށެއްގެ ކާކުކަމެއް ނޭނގުނެވެ. ދިވެއްސެއް ކަމެއް، ބޭރު މީހެއް ކަމެއް ވެސް ނޭނގުނެވެ. ފުލުހުން މައްސަލަ ތަޙުޤީޤުކުރަމުން ގެންދާ ވާހަކަ ބުންޏެވެ.

“ވެދާނެ އެތަނުން ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް ވެސް.” ޚަބަރު ނިމުމުން، ނޫރައްދީން ޓީވީގެ އަޑު މަޑުކޮށްލިއެވެ،

“މަރާލާފަ ވެސް ވައްޓާލަފާނެ! ތިހެން ބުނާކަށް މިހާރަކު ނޭނގޭނެ!”

“ތި ވެސް ރަނގަޅު ވާހަކައެއް!”

ފައިސަލް ނިކުމެ ސައިކަލަށް އަރައި، ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. އޭރު އޭނާގެ ހިތް އޮތީ އާދައިގެ ހާލަތުގައެވެ. ކުރިމަތިވި ބޮޑު މުޞީބާތަށް އިރު އޮއްސި، ހަމަޖެހުމުގެ ފަތިހަަށް އަލިވިލޭތަން އޭނާގެ ދުރުމީއަށް މިހާރު ވެސް ފެންނަމުންދެއެވެ.

ގެއަށް ވަނުމާއެކު، ފައިސަލާ ފުރަތަމަ ބައްދަލުވީ މުނިޔާއެވެ. މުނިޔާގެ ފުށުން ލިބުނު ޚަބަރުން، ފައިސަލަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. މޭތެޅިގަތެވެ. ހިތަށް ތަދުވިއެވެ. މަރުވެފައި އޮއްވާ މޫދުތެރެއިން ފެނުނީ ޒުބޭރުކަން އެނގުމުންނެވެ. ނޫހުގައި ޒުބޭރުގެ ފޮޓޯއާއެކު، ޖަހާފައި އޮތް ޚަބަރު ފައިސަލަށް މުނިޔާ ދެއްކިއެވެ.

ފައިސަލް ގޮސް ކޮޓަރިއަށް ވަންއިރު، ވަސީމާއަށް އޮތީ ނިދިފައެވެ. އޭނާ ގޮސް އެނދުގެ މަގަތުގައި ޖައްސާލައިގެން އިރުކޮޅަކު އިނެވެ. ފުން ފިކުރެއްގައި ހުއްޓުން އަރާފައެވެ. މުނިޔާ އައިސް ކާން ދާން ބުނުމުން، ކާހިތެއް ނެތޭ ބުނެ، ކާކަށް ވެސް ނުދިޔައެވެ. އިރުކޮޅަކު އެހެން އިނދެފައި އޭނާ ދިޔައީ ސަހަރާއަށެވެ.

ޖެހިގެން އައި ރެއަކީ ފައިސަލަށް އައި ހިތާމައިގެ ރެއެކެވެ. އެހެނަސް ނުރައްކަލެއް ކުރިމަތިނުވެ ދިޔަ ރެއެކެވެ. އެހެންކަމުން ނޫރައްދީންގެ ބަހަށް ކުރެވުނު އިތުބާރު އިތުރަށް ހަރުދަނާވިއެވެ. ނިޔަމްގެ ނިދުން ނިޔަމްގެ ކޮޓަރިއަށް ބަދަލުކުރިއެވެ. ވަސީމާ ބަލިކޮށް އުޅޭތީއާ ވެސް އެކުގައެވެ.

އިރާކޮޅުގެ ވަގުތެވެ. މުނިޔާއާއި ސާޖިދު ރީތިވެލައިގެން ނުކުތީ ދުއްވާލަން ދާށެވެ. މަންޒިލަކަށްވީ ހުޅުމާލެއެވެ. ރަށުން އައި ފަހުން، އެ ދެމަފިރިން އަދި ހުޅުމާލެއަަކަށް ނާރައެވެ. އެހެންކަމުން މުނިޔާ ދުއްވާލަން ދާހިތްވާ ވާހަަކަ ބުނުމުން، ސާޖިދު ވަގުތުން އެ ކަމަށް އެއްބަސްވީއެވެ.

ސާޖިދާއި މުނިޔާއަށް ހުޅުމާލެއަށް އެރުނުއިރު، އެ ރޭ ނުވައެއް ޖަހަނީއެވެ. އެ ދެމަފިރިން ފުރަތަމަ ދިޔައީ ކެއުމަކަށެވެ. އެއީ ރާވާފައި އޮތްގޮތެވެ. ކައިނިމިގެން ހުޅުމާލޭގެ މަގުތަކުގައި ދުއްވާލައިފައި، މާލެއަށް އައި މަގުމަތީގައި، މާ ވިއްކާ ފިހާރައެއް ފެނިގެން ސާޖިދު މަޑުކުރިއެވެ. އެ ތަނުން އޭނާ ގަތީ ފިނިފެން މަލެކެވެ.

“ކާކަށް؟” މުނިޔާއަށް އަހައިލެވުނެވެ.

“ސިއްރެއް.” ސާޖިދު ހިނިތުންވެލިއެވެ.

މުނިޔާ އިތުރު ސުވާލެއް ނުކުރެއެވެ. ހިނިތުންވެލަމުން، ސާޖިދުގެ އަތުގައި ހިފައިލިއެވެ. އެއީ އޭނާއަށް ދޭން ގަތް އެއްޗެއްކަން އެނގޭތީއެވެ. ހިތުން އެ އުޅެނީ ސަޕްރައިޒެއް ދޭށެވެ.

މާލެއަށް ދިޔުމަށް ޓަކައި ބޮޑުމަގުން ދެކުނަށް ސާޖިދު މިސްރާބުޖެހިއެވެ. ދުވެލި ހުރީ ސާޅީހުގައެވެ. މުނިޔާ އިނީ ސާޖިދުގެ ގައިގައި ބައްދާލައިގެން ލޯ މަރާލައިގެންނެވެ. ޖެހެމުން ދިޔަ ފިނިފިިނި ވައިރޯޅިން ލިބޭ ފިނިކަމަށްވުރެ، އެހެން އިންއިރު ހިތަށް ލިބޭ ފިނިކަން މާ ބޮޑެވެ.

ގެތަކާއި އިމާރާތައް ފަސްދީ، ތަންކޮޅަކަށް ދިޔަތަނާ، ކުރިމަތިން ކުއްލިއަކަށް ކަޅު ހިޔަންޏެއް ހުރަސްކޮށްފިއެވެ. ލިބުނު ކުއްލި ސިހުމާއެކު ސާޖިދަށް ވަގުތުން ސައިކަލުގެ ބުރެކި ޖެއްސުނެވެ. ސާޅީހުގައި ދުއްވާފައި ދިޔަ ސައިކަލު ކަހާލައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ. އެ ވަގުތު މުނިޔާއަށް ބޭއިޚުތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ.

“ކިހިނެއްވީ؟” ހަމައަކަށް އެޅުމުން މުނިޔާއަށް އަހައިލެވުނެވެ.

“ކުއްލިއަކަށް ބުރަތްކަށް ހިފާލެވުނީ.” މުނިޔާ ބިރުގެންފާނެތީ، ފެނުނު ހިޔަނީގެ ވާހަކަ ބުނާކަށް ސާޖިދަކަށް ނުކެރުނެވެ. އެހެންނަމަވެސް އޭނާގެ ހިތް އޮތީ ތެޅިތެޅިއެވެ. ހިޔަންޏެއްގެ ސިފައިގައި ހުރަސްކޮށް ދިޔަ ސޫރަ އޭނާއަށް ވަރަށް ރީތިކޮށް ފެނުނެވެ.

ބުރެކި ޖެއްސި ވަގުތު އެރި ކުއްލި ލޮޅުމާއެކު، ސާޖިދުގެ އަތަށް ކޮންމެވެސްވަރަކަށް ތަދުވިއެވެ. އިރުކޮޅަކު އަތަށް ފިތާލައި ހާނާލުމުން، ރިހުން ކުޑަވެއްޖެއެވެ. އެހެންކަމުން އަނެެއްކާ ވެސް ދަތުރަށް ފެށިއެވެ. އެހެންނަމަވެސް މި ފަހަރު މާ ބާރަށް ދުއްވާކަށް އޭނާއަކަށް ނުކެރުނެވެ. ފަންސަވީހުގައި ދުއްވާފައި އޭނާ ގޮސް ހަލިމަގަށް އެރިއެވެ. އޭރު ވެސް އޭނާ އިނީ ހިތްބިރުގެންފައެވެ. ފެނުނު ސޫރަ ހިތަށް ސިފަވާތީއެވެ.

ސާޖިދު މާ މަޑުން އިންނަކަން މުނިޔާއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އެ ކަމާ ބެހޭގޮތުން އޭނާ ސުވާލެއް ނުކުރެއެވެ. އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި، ސާޖިދަށް އައިސްފައިވާ ބަދަލުގެ ސިއްރަކީ، ދެންމެ ދިމާވި ކުއްލި އެކްސިޑެންޓެވެ. އޭރު ލިބުނު ސިހުން އޭނާގެ ހިތުން އަދި ނުފިލަނީއެވެ.

އެ ރޭ ގެއަށް ގޮސް، ނިދަން އޮށޯތްއިރު، ސާޖިދު ވަނީ ހަމައަކަށް އެޅިފައެވެ. އޭނާގެ ސަކަސަމާސާގެ ކަންކަން ވެސް ފެންނާން ފަށާފައެވެ. އެ ސަމާސާގެ ތެެރޭގައި، މި ރޭ ގަތް ފިނިފެންމަލުގެ ވާހަކަ މުނިޔާ އަހައިލިއެވެ. އޭގެ ވާހަކަ ސާޖިދު ނުފެށުމުންނެވެ. ދޭން ވެސް ނޫޅުމުންނެވެ.

“މާ ދޯ!” ސާޖިދު ހިނިތުންވެލަމުން މުނިޔާއާ ދިމާއަށް ބަލައިލިއެވެ. “މަ ބުނީމެއްނު އެއީ ސިއްރެކޭ.”

“އޯކޭ! ސިއްރެއްވިއްޔާ ބުނާނެކަމެއް ނެތް! ނިދަން އުޅެމާ ހިނގާ!” ސާޖިދާ ދިމާއަށް މުނިޔާ އެނބުރި، މޭމަތީގައި ބޯ އަޅައިލިއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލީގެ ސަބަބުން، މެންދަމުގެ ހަމަހިމޭންކަން ވަނީ އިތުރަށް ހަމަހިމޭންކުރުވާފައެވެ. ފަންކާއިން އިވޭ ވައިކަފާ އަޑު ފިޔަވައި، އިތުރު އަޑެއްބަޑެއް އެ ކޮޓަރިއަކު ނެތެެވެ. ފައިސަލްގެ ދެމަފިރިން ތިބީ، އަރާމް ނިންޖެއްގައި، ހުވަފެނުގެ އާލަމެއްގައެވެ. ވަސީމާ ބިތްދޮށަށް އެނބުރި އޮތްއިރު، ފައިސަލް އޮތީ މަގަތަށް އެނބުރިއެވެ. އެއީ އެ ދެމަފިރިންގެ މިހާރުގެ އާންމު ހަމައެވެ. އުސޫލެވެ. ވަސީމާގެ ގައިގައި ފައިސަލް ޖެހިލިޔަސް، އޭނާ އުޅޭގޮތުން ހީވާނީ، އެއް ފަހަރާ އެއް ހާސް ކަށި އޭނާގެ ހަށިގަނޑަށް ވަންނަހެންނެވެ.

ރަނގަޅަށް ނުނިދޭތާ ދުވަސްތަކަކަށްފަހު، މި ދެތިން ރެއަކު ތަންކޮޅެއް ރަނގަޅަށް ފައިސަލަށް ވަނީ ނިދޭން ފަށާއެވެ. ނޫރައްދީންގެ ފަރާތުން ލިބުނު ޔަޤީންކަމާއި، އޭނާއާ އަވަލައިގެން އުޅޭ މަޚުލޫޤުގެ ޚަބަރެއް ނުވާތީ، އޭނާގެ ހިތަށް ލިބުުނު ހަމަޖެހުމުގެ ސަބަބުންނެވެ. ދިރިހުރުމާއި ދިރިއުޅުމާ މެދު ކޮންމެވެސް މިންވަރެއްގެ އުއްމީދުތަކެއް ވަނީ ކުރެވެން ފަށާފައެވެ.

މެންދަމުން އަލިވެ ދޭއްޖެހިތަނާ، ކޮޓަރިއަށް އަރައިގެންދިޔަ އަޑުފަށްގަނޑަކާއެކު، ސިހިފައި ފައިސަލަށް ހޭލެވިއްޖެއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ސިހުނުލެއް ބޮޑުކަމުން، ހޭލެވުނުއިރު އޭނާގެ ލޮލާ ނިންޖާ ވަނީ ގުޅުން ކެނޑި، ސިހުމާއި ބިރުވެރިކަން ދެ ލޮލުގައި ހާލިހަދާފައެވެ.

ފައިސަލަށް ފުރަތަމަ ވެސް ބަލައިލެވުނީ، އެނދުގެ ބިތްދޮށަށް އެނބުރި ނިދާ މަރުވެފައި އޮތް ވަސީމާއާ ދިމާއަށެވެ. ކަމެއް ހިނގިހެން ވެސް އޭނާއަށް ހީނުވެއެވެ. އެހެންނަމަވެސް ވަސީމާއަކީ އެހައި ނިދި ބަރު މީހެއް ނޫނެވެ.

ވަސީމާއާ ދިމާއަށް ހުއްޓިފައި ހުރި ފައިސަލްގެ ކަޅި ކޮޓަރީގެ އެކި ދިމަދިމާއަށް ހުއްޓޭންފެށިއެވެ. ކޮޓަރިތެރެެއިން އެ އިވުނު އަޑަކީ ކޮން އަޑެއްކަން ދެނެގަނެވޭތޯ މަސައްކަތްކުރަނީ ކަންނޭނގެއެވެ.

ކޮޓަރީގެ އެކި ދިމަދިމާއަށް ހޭރިޔާކުރަމުން ދިޔަ، ފައިސަލްގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ، ކޮޓަރިތެރޭގައި ވެއްޓިފައި އޮތް ބޮޑު ލޯގަނޑާ ދިމާއަށެވެ. އެ ކޮޓަރީގެ ޑްރެސިން ޓޭބަލްމަތީގައި ބަހައްޓާފައި ހުންނަ، ތިން ފޫޓު ދޮޅުފޫޓުގެ، އެ ބޮޑު ލޯގަނޑު އެ އޮތީ ތަޅުގަނޑުމަތީގައި ކުދިކުދިވެފައެވެ. ފަންކާގެ ވަޔާ ވެއްޓޭ ވަރަށް ވުރެ އެ ލޯގަނޑު ބަރުވާނެއެވެ. ކޮޮންމެވެސް އެހެން ބާރަކާ ނުލައި އެ ލޯގަނޑު އެ ގޮތަށް ވެއްޓޭނެ ގޮތެއް ނޯންނާނެއެވެ.

ދެ ހަޅަޖަހައި ހަޅަ މަޑުވެ، ވައި އުތުރަށް އަރާފައި އޮތް އޮތުން ނިމުމަކަށް އައީ ބާވައެވެ؟ ޔަޤީނެވެ. އެ ރޫޙާނީ މަޚުލޫޤުގެ ޖެއްސުންކުރުން އަނެއްކާ ވެސް މި ފެށުނީއެވެ. ފައިސަލް ގާތަށް ރުޅިއަންނަ ގޮތްވިއެވެ. އެހެންނަމަވެސް ބިރު ވެސް ގަނެއެވެ. ގުޑުމެއް ވެސް އަރުވާލަން ނުކެރި އިންދާ، ދާދި ގާތުން، ކަންފަތްބުޑުން އިވުނީ، އެ މަޚުލޫޤުގެ ބަރު އަޑެވެ. ވަރަށް މަޑުންނެވެ.

“ކަލޭ ހިތުން ތި އިނީ މަގޭ ފުށުން މިންޖުވެގެން ދޯ!” ލިބުނު ސިހުމާއެކު ފައިސަލަށް ތެޅެގަނެވުނެވެ. ވަށައިގެން އެކި ދިމަދިމާއަށް ނަޒަރު ހިންގައިލެވުނެވެ. “ނޫރައްދީންގެ ބަސް އަހައިގެން ލިބިފައި އޮތް އަގުބޮޑު ފުޅި ރައްކާކޮށްގެން ކަލޭ އިނދޭ!” މި ފަހަރު އެ އެތީގެ އަޑު އައީ، ކުރިއަށްވުރެ ރުޅިވެރިކޮށެވެ.

ފައިސަލްގެ ހިތް ވަރަށް ބާރަށް ތެޅެންފަށައިފިއެވެ. އޭނާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ވަސީމާއާ ދިމާއަށެވެ. ވަސީމާއަށް ހޭލެވިދާނެތީ އޭނާ ކަންބޮޑުވެއެވެ. މި ނުރައްކާތެރި ކަންތައްގަނޑު ގޭ އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ޖިންނި މޮޔަވެފައި ހުރި މީހަކަށް ހަދާފައި ވަރިވާން ވެސް ވަސީމާ ތެޅިގެންފާނެއެވެ.

“އަނބިމީހާއަށް އެނގިދާނެތީ ވަރަށް ކަންބޮޑުވޭ ދޯ!”

“ކީއްވެތަ އަބަދު އަހަރެންގެ ފަހަތުން އަޅައިގަނެގެން ތި އުޅެނީ؟ އަހަރެން ކަލެއަށް ކޮން ގޯނާއެއް ކޮށްގެންތަ؟” ފައިސަލަށް ރުޅިވެރިކަމާއެކު މަޑުމަޑުން ބުނެވުނެވެ.

“ތި ސުވާލުގެ ޖަވާބު ކުރިން ވެސް އޮންނާނީ، އަހަރެން ދޭން ބޭނުންވާ ވަރަށް ދީފަ.”

“އަހަރެން ނުކުރަން ކަލެއަކަށް އެއްވެސް ގޯނާއެއް!”

“ކަލޭ ހީކުރީތަ އެއްވެސް ކަމަކާނުލައި ކަލޭގެ ކިބައިން ބަދަލުހިފަން އަހަރެން ނިކުންނާނެކަމަށް! ތީ ކުށް ހީއެއް!”

“އެެހެންވިއްޔާ އަހަންނަށް ކުރެވުނު ކުށެއް ތަންކޮޅެއް ސާފުކޮށް ބުނެދީބަލަ!”

“އަހަރެން ބުނާނެ މިންވަރާ، ބުނާނެ ގޮތާ އެނގޭނީ ކަލެއަކަށް ނޫން! ކަލޭ ނޫރައްދީން ގާތަށް ގޮސް، ހިތުން ތި އިންނަނީ އަހަރެންގެ މަގަށް ހުރަސް އަޅައިގެނެއްނު! އެކަމަކު ހަމަ ހިލާ އެހެނެއް ނުވާނެ!”

އެ މަޚުލޫޤުގެ ވާހަކަ މިހައި ހިސާބަށް ދިޔަތަނާ، ފައިސަލްގެ ހަނދާނަށް އައީ، ކުރީ ދުވަހު ނޫރައްދީން އޭނާއަށް ދިން ޔަޤީންކަމެވެ.

“ކަންބޮޑުވާނެކަމެެއް ނެތް! އޭނައަކަށް އެއް ކަމެއް ވެސް ނުކުރެވޭނެ! އެ ފުޅި ތި ގޭގައި އޮތްހައި ދުވަހަކު ޖެހޭނީ، އެ ގޮތަށް ދުރުގައި ހުރެ އިންޒާރު ދޭން! ގަދަ ބަސްބުނަން! ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ! ކުޑަމިނުން ލޮލަށް ފެންނިލާން ވެސް ނުކެރޭނެ!”

ޝައްކެއް ވަސްވާހެއް ނެތި ނޫރައްދީން ބުނި މި ބަސްކޮޅު ހަނދާންވުމާއެކު، ފައިސަލަށް ލިބުނީ ވަރަށް ބޮޑު އުއްމީދެކެވެ. ހިތްވަރެކެވެ. ބިރުވެރިކަމެއްގެ ތެރޭގައި އޮވެ، ވިރެމުން ދިޔަ އޭނާގެ ހިތަށް ލިބުނީ ވަރަށް ބޮޑު ފަރުވާއެކެވެ.

“ކީއް ކުރެވޭނީ؟ އެއް ކަމެއް ވެސް ނުކުރެވޭނެ!” ވަރަށް ގަޓުހުރެގެން ފައިސަލް ބުނެލިއެވެ.

“އޭ! ގަދަ ބަސް ބުނަން ނޫޅޭ!” އެ އެތީގެ ރުޅިވެރި އަޑު ވަގުތުން ކޮޓަރިތެރޭގައި ގުގުމާލިއެވެ.

ފައިސަލް ހީކުރީ މި ފަހަރު ވަސީމާއަށް ހޭލެވޭނެ ކަމަށެވެ. އެހެންނަމަވެސް ހަމަ އެ އޮތްގޮތަށް ގުޑުމެއް ވެސް އަރުވައިނުލައި އޭނާ އޮތެވެ. މިއީ ވެސް އެ އެތީގެ ބާރުގައި ކޮށްފައިވާ ކަމެއް ކަންނޭނގެއެވެ.

“މި ބުނީނު އެއް ކަމެއް ވެސް ނުކުރެވޭނޭ! ހަމަ ތިހެން ހަޅޭއް ލަވަލަވައި ހުންނަން ޖެހޭނީ. މަށެއް ބިރެއް ވެސް ނުދެއްކޭނެ!” އެ އެތީގެ އަޑު ކިތަންމެ ބާރު ވިޔަސް، އިންޒާރު ކިތަންމެ ހަރަސް، ފައިސަލް ބިރުގަންނަހެނެއް ހިޔެއް ނުވެއެވެ.

“ނޫރައްދީން ދިން ޔަޤީންކަމެއްގެ ސަބަބުން ކަލޭ ތި އިނީ ވަރަށް ފުދިފަ ދޯ! ތި މޮޅު އައްޑަނަ މި ގޭގައި އޮއްވާ، ކަލޭ އަންހެނުންގެ ގައިގައި އޮންނާނީ އަލިފާން ވެސް ރޯކޮށްފަ. ޒުބޭރު މަރާ ވެސް ލައިފަ. އެނގިދާނެތާ! ހަނގުރާމަ ރަނގަޅަށް މި ފެށީ. ތި ދެ ލޮލުން ކަރުނަ ހިކުނަކަ ދެން ނުދޭނަން!”

ވަރުގަދަ އިންޒާރަކަށްފަހު، އެ އެތީގެ އަޑު ކެނޑިއްޖެއެވެ. އެނބުރި ދިޔައީކަމެއް، ނޫނީ ފައިސަލްގެ އަމަލުތައް ބަލަން ހުރީ ކަމެއް ނޭނގެއެވެ. އެ އެތި އެންމެ ފަހުން ބުނި ބުނުން، ފައިސަލްގެ ހިތަށް އިތުރު ހާސްކަމަކާއި ނުތަނަވަސްކަމެއް ވެރިކޮށްފިއެވެ. ބިރުވެރިކަމެއް އުފައްދައިފިއެވެ. ވަސީމާގެ ގައިގައި އަލިފާން ރޯކުރީ އެ މަޚުލޫޤުކަން އެނގުމުންނެވެ. ޒުބޭރުގެ މަރަކީ ވެސް އެ އެތީގެ ކަމެއްކަން އެނގުމުންނެވެ.

ފައިސަލްގެ ދެ ލޯ ފެންކަޅިވާންފެށިއެވެ. ޒުބޭރު ކަހަލަ ހެޔޮ އެކުވެރިއަކު ނިމިގެން އެ ދިޔައީ އޭނާގެ ސަބަބުންނެވެ. މި ނުރައްކާތެރި ކަންތަކާ އޭނާއާ ނުބެއްސުނު ނަމަ، އޭނާ އަދި ދުނިޔޭގައި ހުރީސް ކަންނޭނގެއެވެ. ނޫރައްދީން ބުނި ގޮތާ، ކަންހިނގައިދިޔަ ގޮތާ އުޑާބިމާހައި ތަފާތެވެ. ނޫރައްދީންގެ ވާހަކައިގައި އެއްވެސް އިތުބާރެއް ނެތެވެ. އެ ވާހަކަތަކަށް އިތުބާރުކޮށްފައި މި ހެދުނީ ހާދަ ބޮޑު ގޯހެކެވެ. ހާސްވެ ކަންބޮޑުވިލެއް ބޮޑުކަމުން ފައިސަލްގެ މޫނުމަތިން ދާ ތިކިތައް އުފުލޭން ފަށައިފިއެވެ.

“ހާދަ ވަރަކަށް ދާހިއްލާފަ. ކޮންތާކުން ތި އައީ؟” މުނިޔާ ބަދިގޭގައި އުޅެނިކޮށް، ސާޖިދު އައިސް ވަންއިރު އޭނާ ދާހިއްލާފައި ހުރިތަން ފެނިގެން މުނިޔާ އަހައިލިއެވެ.

“ނިޔޫގެ ކޮޓަރި ސާފުކުރީނު.” ސާޖިދު ހިނިތުންވެލިއެވެ.

“ސާޖިދުތަ އެކަން ކުރީ؟”

“އާނ! ނިޔޫ ބުނެގެން އެ ކަމުގައި އުޅެލާފަ މި އައީ.”

“ކޮޓަރި ސާފުކުރާށޭ ކިޔައިގެން އިއްޔެ މަ އޭނައާ ވާހަކަ ދެއްކީމޭ! މިހާރު އޭނަ ކޮބާ؟”

“އެބަ އުޅޭ ކޮޓަރީގަ. އެއްޗެހި ތަރުތީބުކުރަނީ.” އައިސްއަލަމާރިން ފެންފުޅިއެއް ނަގަމުން، މުނިޔާގެ މޫނަށް ސާޖިދު ބަލައިލިއެވެ. “ދީބަލަ ތަށްޓެއް.”

މުނިޔާ ތަށްޓެއް ނަގައި، ދޮވެލައިގެން އައިސް، ސާޖިދަށް ފެންތަށްޓެއް އަޅައިދިނެވެ.

“އަހަރެމެންގެ ކޮޓަރި ވެސް އެބަ ޖެހޭ ސާފުކޮށްލަން. އޮފީހަށް ނިކުންނާންޖެހޭ ދުވަސް ވެސް އައިސް ޖެހެނީނު!”

“މާދަމާ ތި ކަމާ އުޅެމާ!” ފެންތަށި ބޮއިލުމަށްފަހު ތަށި ބަހައްޓަމުން، ސާޖިދު ބުނެލިއެވެ. “މަންމަގެ ހާލު މިއަދު ކިހިނެއް؟”

“މިހާރު ދެން ރަނގަޅު. ދެންމެ ނިކުމެ އުޅެފަ އެ ވަނީ؟ ސާޖީ ކޮބައިހޭ ވެސް އެހި. މިހާރު ސާޖީދެކެ މަންމަ ވަރަށް ލޯބިވެއޭ!” މުނިޔާ ހިނިތުންވެލިއެވެ.

“މައިދައިތަގެ ހިތް ފަތަޙަކުރުމަކީ އަހަރެމެންނަށް ވަރަށް ފަސޭހަކަމެއް. ސިމްޕަލް!”

“މައިދައިތަ އެކަނިތަ؟” މުނިޔާ ހުރީ ސާޖިދުގެ މޫނަށް ބަލަން ހިނިތުންވެލައިގެންނެވެ.

“މައިދައިތަގެ ދަރިންގެ ހިތް ވެސް.”

“ދަރީންނޭ؟” އަވަސްއަވަހަށް މުނިޔާއަށް އަހައިލެވުނެވެ.

“އާނ!”

“ހުރިހައި ދަރިން؟” މުނިޔާ ލޯ އަޅައިލިއެވެ.

“އާނ! ނުބައިކޮށް ދޯ މި ބުނެވުނީ. މައިދައިތަގެ ދޮށީދަރިފުޅުގެ ހިތް!” ސާޖިދު ހޭންފެށިއެވެ.

“ފޮނި ވާހަކަ ނުދައްކާ، ދެން ދޭ ފެންވަރަން. އެހެރަ ބާރަޖަހަނީ.”

ސާޖިދު ކޮޓަރިއަށް ވަނުމުން، މުނިޔާ ހިނގައިގަތީ ނިޔަމްގެ ކޮޓަރިއާ ދިމާއަށެވެ. މެންދުރަށް ކެއްކުމަށް ޓަކައި ނިޔަމް ބަލައެވެ. މަންމަ ބަލިވިފަހުން މުނިޔާ ބަދިގޭގެ މަސައްކަތްކުރާ ވަގުތު، ނިޔަމް ގެނެސް ބައިވެރިކުރެއެވެ. އޭނާއަށް ވެސް ބަދިގޭގެ މަސައްކަތް ދަސްވެފައި އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރެވޭތީއެވެ. މަންމަ އުޅުނީ ނިޔަމްެ ލައްވާ މާ ބޮޑު މަސައްކަތެއް ނުކުރުވައެވެ.

މުނިޔާ ގޮސް ނިޔަމްގެ ކޮޓަރީ ތަޅުގައި ހިފައިލިއެވެ. ހުރީ ތަޅުލާފައެވެ. މުނިޔާ ޓަކި ޖަހާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވައި ނިޔަމް ބަލައިލިއެވެ.

“ދޮންތަ ދޯ!”

“ކީއް ތި ކުރަނީ؟”

“ކޮޓަރި ރީތިކުރީނު!” ނިޔަމް ހިނިތުންވެލިއެވެ.

ކޮޓަރި ރީތިކުރި ވާހަކަ ނިޔަމް ބުނުމުން، މުނިޔާ އެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ބަލައިލިއެވެ. ކޮޓަރި އޮތީ ވަރަށް ރީތިކޮށްލާފައެވެ. އެއްޗެހިތައް ތަރުތީބުކޮށްލާފައެވެ. މި މަންޒަރު ފެނިފައި މުނިޔާ ވަރަށް އުފާވިއެވެ.

“ހިނގާ ކައްކަން ދާން!” ކޮޓަރިން ނުކުތުމަށް ހިނގައިގަންނަމުން މުނިޔާ ބުނެލިއެވެ.

“މި ނިކުންނަނީ ފާޚާނާއަށް ވަދެލާފައި.” ނިޔަމް ފާޚާނާއަށް ވަދެ ދޮރު ލެއްޕިއެވެ.

ކޮޓަރިން ނިކުންނާން ދިޔަ މުނިޔާގެ ލޮލުގައި އެ ވަގުތު އަޅައިގަތް އެއްޗެއްގެ ސަބަބުން، އޭނާގެ ހިތް ތެޅެގަތެވެ. ފިޔަވަޅަށް ހުއްޓުންއެރިއެވެ. އޭރު މުނިޔާގެ ނަޒަރު ހުއްޓުފައި ހުރީ، ޑްރެސިންޓޭބަލް މަތީގައި ހުރި މާޖަހާ އެއްޗަށެވެ. އޭގައި ހުރި ރަތް ފިނިފެންމަލަށެވެ. އެއީ ކޮން މަލެއް ހެއްޔެވެ؟ ރޭ ސާޖިދު ހުޅުމާލެއިން ގަތް ފިނިފެންމާ ހެއްޔެވެ؟ އެކަމަކު އެ މާ މި ކޮޓަރީގައި ހުންނާންވީ ކީއްވެގެން ބާވައެވެ؟

މުނިޔާ ބޭނުންވީ އިތުރަށް ކަށަވަރުކުރާށެވެ. އޭނާ އެ މަލަށް ކަޅި ހުއްޓާލައިގެން ހުރެ، އެ ދިމާއަށް ފިޔަވަޅު އަޅާންފެށިއެވެ. އެ ދިޔަ ގޮތަށް ގޮސް، މާޖަހާއެތިން އެ މާ ނެގިއެވެ. އޭނާ ބަލަންފެށީ މަލަކަށް ނޫނެވެ. ގޮފިކޮޅުގައި ހުރި ފަތްތަކަށެވެ. އެ ތަނުން އެއް ފަތުގައި، ފަނިކާފައި ހުރި ކަހަލަ ތަންކޮޅެއް ހުއްޓާ، އޭނާއަށް ވަނީ ރޭ ފެނިފައެވެ.

އާއެކެވެ! މިއީ ހަމަ އެ މަލެވެ. މުނިޔާގެ ހިތުގެ ތެޅުން އަވަަސްވިއެވެ. ޒާތެއްގެ ބިރުވެރިކަމެއް ހިތަށް ވެރިވެގަތެވެ. ސާޖިދު ފިނިފެންމަލެއް ގަނެގެން ގެނެސް، ކޮއްކޮަައަށް ދޭންވީ ކޮން ބޭނުމަކު ހެއްޔެެވެ؟ ކޮއްކޮއަކީ ފުރާވަރަށް އަރަމުން އަންނަ ކުއްޖެކެވެ. ބަލައިލަން ނުހަނު ރީތި ކުއްޖެކެވެ. ސާޖިދަކީ ވެސް ރީތި ފިރިހެނެކެވެ. އަންހެންކުދިން ހިތްކިޔާ ކަހަލަ އެތައް ސިފައެއް ހުރި ފިރިހެނެކެވެ. އަނެއްކާ މި އުޅެނީ ކިހިނެއް ވާން ބާވައެވެ؟

ސާޖިދާއި ނިޔަމްގެ ފުށުން، އެކި ދުވަސްދުވަހު ފެނުނު ތަފާތު ކަންކަން، ފުރާނައެޅުވިގެން މުނިޔާގެ ކުރިމަތީގައި ތަމްސީލުވާން ފެށިއެވެ. ފުރަތަމަ ފެނުނީ ސާޖިދު ގެއަށް އައި ރޭ، ހިނގި ކަންތަކެވެ. އެ ރޭ ސާޖިދު ފެނުމުން، ނިޔަމް އުފާވި މިންވަރެވެ. ދުވެފައި ގޮސް، ސާޖިދުގެ ގައިގައި ބައްދާލި ގޮތެވެ. ނިޔަމްގެ ގައިގައި ސާޖިދު ބައްދާލި މަންޒަރެވެ. ދޮންތަބެ ނެތުމުން ވަރަށް ދެރަވެއޭ ބުނެލި ގޮތެވެ.

ދެވަނައަށް ފެނުނީ، ބަދިގޭގައި ސާޖިދު ފިޔާކޮށަން ހުރި ދުވަހުގެ މަންޒަރެވެ. ދެ މީހުން ޖެހި ފިތިގެން ތިބި ތަނެވެ. މުނިޔާއަށް އެ މަންޒަރު ފެނުމުން ސާޖިދަށް ވީ ގޮތެވެ. އައި ބަދަަލެވެ. ވާހަކަ ބަދަލުކޮށްލަން އޭނާ މަސައްކަތްކުރި ގޮތެވެ. މިއަދު ވެސް މި ހިނގީ ކުދިކުދި ކަންކަމެއް ނޫނެވެ. ކޮއްކޮގެ ކޮޓަރި ސާފުކުރަން ސާޖިދު ދާންވީ ކީއްކުރަން ހެއްޔެވެ. ކުޑަމިނުން އަަހަރެންގެ ގާތުގައި ބުނެވެސް ލީއެއް ނޫނެވެ. ގަތް ފިނިފެންމާ މިހިރީ ކޮއްކޮއަށް ދީފައެވެ.

މުނިޔާގެ ޚިޔާލާއި ފިކުރު މިސްރާބުޖެހީ، ވަރަށް ނުކިއްސަރު ދިމާއަކަށެވެ. ޝައިޠާނާ އޭނާގެ ސިކުނޑިއަށް ވެއްދި ޚިޔާލުތަކަށް އޭނާ ސަވާރުވެގެން، ނިޔަމްގެ ކޮޓަރިން ނިކުމެ، އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އޭރު އޭނާގެ ދެ ލޯ، ކަރުނައިން ރޫރޫއަޅައެވެ. ތުންފަތް ހިތާމައިން ތުރުތުރުއަޅައެވެ.

މުނިޔާ ގޮސް ކޮޓަރިއަށް ވަނެވެ. ސާޖިދު އުޅެނީ ފާޚާނާގައެވެ. ފެންވަރާ އަޑު އިވެއެވެ. މުނިޔާ ގޮސް ފާޚާނާގައި ޓަކިޖަހާލަން އުޅެފައި އައިސް އެނދުމަތީގައި އިށީންނީ، ސާޖިދު ނިކުންނާންދެނެވެ. އޭނާ ބޭނުންވަނީ އެ ވާހަކަ ދައްކާށެވެ. މި ހިނގަނީ ކޮން ކަހަލަ ކަންތައްގަނޑެއްތޯ އަހައި އޮޅުންފިލުވާށެވެ. ދެ ލޮލުން ކަރުނަ ފޮހެމުން، ނޭފަތް ދަމަމުން، އޭނާ ވިސްނަމުން ގެންދިޔައީ، ސާޖިދު ނިކުތުމުން ވާހަކަ ފަށާނެ ގޮތަކާމެދުގައެވެ.

ފަސްވަރަކަށް މިނެޓް ފަހުން، ސާޖިދު ނިކުމެއްޖެއެވެ. ސާޖިދާ ދިމާއަށް މުނިޔާ ބަލައިލިއެވެ. ހުދު ކުލައިގެ ތުވާޔެއް އަނދެގެން، ކުޑަ ތުވާއްޔަކުން، ބޯ ހިއްކަމުން އޭނާ ނިކުތީ، ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. އޭނާގެ މޫނުމަތިން މުނިޔާއަށް ފެނުނީ ތާޒާކަމެވެ. ޒުވާންކަމުގެ ވިދުވަރެވެ. އޭނާ އަބަދުވެސް ޖެހި ފިތިގެން ހުންނާން ބޭނުންވާ އެ ހަށިގަނޑު، މިއަދު އަދި ވަކިން ރީއްޗެވެ. ފެނުމާއެކު ފުރަތަމަ ވެސް ބޭނުންވީ ތެދުވާށެވެ. ކައިރިއަށް ގޮސް…

“ކައްކަން ނުފަށާ ތި އައީޔޯ!” މުނިޔާ އެނދުމަތީގައި އިން މަންޒަރު ފެނިފައި، ސާޖިދަށް އަހައިލެވުނެވެ. އޭނާގެ ދެ ލޮލުގައި ހުރި ކަރުނައިގެ ތެތްކަމެއް، ސާޖިދަަކަށް ފާހަގައެއް ނުކުރެވުނެވެ. އޭނާ ގޮސް ހުއްޓުނީ، ޑްރެސިންޓޭބަލް ކުރިމަތީގައެވެ.

“ސާޖީ!” މުނިޔާ ތެދުވިއެވެ.

މުނިޔާގެ އަޑު ސާޖިދުގެ ކަންފަތުގައި ޖެހުމާއެކު، އެ އަޑުގައި ތަފާތެއް ހުރިކަން އޭނާއަށް ފާހަގަކުރެވުނެވެ. އޭނާއަށް އަވަސްއަވަހަށް އެނބުރި، މުނިޔާއާ ދިމާއަށް ބަލައިލެވުނެވެ.

“ކިހިނެއްވީ؟”

މުނިޔާއަކަށް އަނގައަކުން ނުބުނެވުނެވެ. ކުރެވުނީ އޭނާ ނުކުރަން ޢަޒުމުކަނޑައެެޅި ކަންތަކެވެ. ރޮވުނީއެވެ. ދެއްކުނީ އޭނާ ނުދައްކަން ކަނޑައެޅި މަންޒަރެވެ. ހިތާމައިން ފޯވެފައިވާ މޫނެވެ. އޭނާ އައިސް ސާޖިދުގެ މޭގައި ބޯ އަޅައިލިއެވެ. އެއާއެކު ބޭއިޚުތިޔާރުގައި ސާޖިދުގެ ގައިގައި ބައްދައިގަނެވުނެވެ.

“މުނީ! ކިހިނެއްވީ؟” ސާޖިދަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. “ކީއްވެ ތި ރޮނީ؟ ކަމެއް މާ ބޮޑަށް ގޯސްވީތަ؟”

މުނިޔާ ބޯ ހަލުވައިލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އޭނާ ހިތްވަރުކޮށްފައި ބޯ ހިއްލައިލައި، ސާޖިދުގެ މޫނަށް ބަލައިލިއެވެ. ސާޖިދު ވެސް މުނިޔާގެ މޫނަށް ބަލައިލިއެވެ. އެ މޫނު ވަނީ ރަތްވެފައެވެ. ދެ ލޯ ވަނީ ކަރުނައިން ފޯވެފައެވެ.

“ކިހިނެއްވީ މުނީ؟ އަހަރެން އެެބަ ވަރަށް ކަންބޮޑުވޭ!” މުނިޔާ ގޮވައިގެން ސާޖިދު ހިނގައިގަތީ އެނދާ ދިމާއަށެވެ.

“ކަމެއް ނުވޭ! ހަމަ ދެރަވީ!” އެނދުގައި އިށީނދެ، ސާޖިދުގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އޭނާގެ އަޑު ހުރީ ކުރެހިފައެވެ.

“ގަބޫލެއް ނުކުރެވޭ!”

“ސާޖީ މަ ދެކެ ލޯބިވޭތަ؟” އިރުކޮޅަކު އޮވެފައި މުނިޔާ އަހައިލިއެވެ.

“ތީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެއްނު!” ސާޖިދު ވަގުތުން ބުންޏެވެ.

“ކިހާ ވަރަކަށް؟”

“ކީކޭ ބުނާނީ؟ މި ދުނިޔޭގެ ދިހަ ގުނައަށް ވުރެ ވެސް ބޮޑަށް.”

“ދުވަހަކު ވެސް އަހަރެން ދޫކޮށްފައި އެހެން މީހެއްގެ ގާތަށް ހިނގައިދާނަންތަ؟” ސުވާލަކަށްފަހު ސުވާލެއް މުނިޔާ ކުރަންފެށިއެވެ.

“މުނީ ދޫކޮށްލާފައި އަހަރެން ދާނެ އަންހެނަކު މި ދުނިޔެއަކު ނުހުންނާނެ! އުފަނެއް ވެސް ނުވާނެ! ދުވަހަކު ވެސް ނުވާނެ!” ސާޖީދުގެ އަޑާއި ރާގުގައި ހުރީ ސީރިޔަސްކަމާއި ޔަޤީންކަން އެކުވެފައިވާ އަސަރެވެ. “އެކަމަކު ކީއްވެ ތި ކަހަލަ ސުވާލުތަކެއް ކުއްލިއަކަށް ތި ކުރަން ފެށީ؟”

ސާޖިދުގެ އެ ސުވާލަށް މުނިޔާގެ ކިބައިން ޖަވާބެއް ނުލިބުނެވެ. އިން ގޮތަށް އިނީއެވެ. ސާޖިދު އިންތިޒާރުކުރަމުން ގެންދިޔައީ މުނިޔާގެ ޖަވާބަކަށެވެ.

“ބުނެބަލަ!” އިރުކޮޅަކު އިނދެފައި ސާޖިދު ބުންޏެވެ.

“ކަމެއްނުވޭ!” މުނިޔާ ބޯ އުފުލައި ސާޖިދާ ދިމާއަށް ބަލައިލީ ހިނިތުންވެލަމުންނެވެ.

ސާޖިދު ލޯބިވާ މިންވަރާއި. ދުވަހަކު ވެސް ދޫކޮށްނުލާނޭކަމުގެ ޔަޤީންކަން ދިންލެއް ބޮޑުކަމުން، މުނިޔާގެ ހިތަށް ކުރިން ވެރިވި މާޔޫސްކަން ވަނީ ކުޑަވެފައެވެ. އޭނާއަށް ކުރެވުނީ ކުށް ހީއެއްކަން މިހާރު ކަށަވަރު ވެއްޖެއެވެ. އޭނާގެ ހިތް ބުނަން ފެށިއެވެ. އެއީ ސާޖިދު ނުބައި ނިޔަތެއްގައި ކުރި ކަމެއް ނަމަ، އެ މާ ގަންނާނީ މުނިޔާއާ އެކު ގޮހެއް ނޫނެވެ. އެ ކަން ކުރާނީ މުނިޔާއަށް ސިއްރުންނެވެ. އެ ވަރު ވެސް ނުވިސްނުނީ ހެއްޔެވެ؟

ޝައްކުގެ ޝިކާރައަކަށްވެ، އުޅެވުުނު ގޮތުން މުނިޔާ އަމިއްލަ ނަފުސަށް ލަދުގެންފިއެވެ. ހިތަށް އެރިއެވެ. ކޮއްކޮއާ ދިމާއަށް ބަރު ބަހެއް ނުބުނެވުނުކަން ނަސީބެކެވެ. އެހެންނޫންނަމަ ކޮއްކޮގެ ކުރިމައްޗަށް ނިކުންނާން ވެސް ދެން ނުކެރޭނެއެވެ. އެހެންކަމުން އޭނާ ގަސްދުކުރީ، އެ ކަން ދެން ހަނދާން ނައްތައިލާށެވެ. ހިތުގެ އެންމެ ފުނުގައި އެ މުޑުދާރު ވިސްނުން ވަޅުލާށެވެ.

“ސާޖީ!”

“ކީކޭ؟”

“އަހަރެން ސާޖީދެކެ ހާދަ ލޯބިވެއޭ! މިއަދު އަދި މާ ބޮޑަށް ލޯބިވާހެން ހީވަނީ!” މުނިޔާގެ ނަޒަރު ހުއްޓިފައި ހުރީ ސާޖިދުގެ ދެ ލޮލަށެވެ.

“ދިރިއުޅުމެއް ކާމިޔާބުވުމުގައި، ލޯތްބަށްވުރެ މުހިންމު އެއްޗެއް ނޯންނާނެ! ތި ލޯތްބަށް ދުވަހަކު ވެސް ބަދަލެއް އަޔަނުދޭތި!” ސާޖިދު ހިނިތުންވެލިއެވެ.

“ސާޖީއަށް އެނގޭތަ؟ އެ މީހަކު ލޯބިކުރާ، ހިތްއެދޭ އެއްޗެއް އަތުން ބީވެދާނެއޭ ހިތަށް އެރިޔަސް، އެ ހިތް މާޔޫސްކަމާއެކު ރޯންފަށާނެ!”

“ދެންމެ ރުއީ އަނެއްކާ އެ ކަހަލަ އެއްޗެއް ހިތަށް އަރައިގެންތަ؟”

“ކުޑަކޮށް!”

“އެ ފަދަ ވަގުތު ހިތަށް ވިސްނައިދީ! ބުނޭ ތިމަންނަގެ ފިރިމީހާއަކީ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ! އެއަށްވުރެ މާ ވަފާތެރި، ތެދުވެރި މީހެކޭ! ފަސްމީރު ކުރިރުކެކޭ!” ސާޖިދު ހިނިތުންވެލަމުން، މުނިޔާގެ ދަތްދޮޅީގައި ހިފައިލިއެވެ.

“ތީ ވަރަށް ލޯބި ފިރިއެއް! އައި ލަވް ޔޫ!” ސާޖިދުގެ ކޮލުގައި މުނިޔާ ބޮސްދިނެވެ. އެއަށްފަހު އެނދު ހުރަހަށް އޮށޯވެ ލޯ މަރައިލިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ދުވެލަދުވެލައި ހުރި ލުއިލުއި ހިނިތުންވުން، ސާޖިދުގެ ޒުވާން ހިއްސުތަކުގައި ޖަޒުބާތުގެ ބިޔަ ރާޅެއް އުފެއްދިއެވެ.

މުނިޔާގެ ދަޢުވަތު ސާޖިދު ބަލައިގަތީ އުފަލާއެކުގައެވެ. އޭނާ ބޭނުންވީ މުނިޔާގެ ހިތް އުފަލުގެ ކުންނާ ހަމައަށް ގެންގޮސްދޭށެެވެ. މުނިޔާގެ މޫނަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ސާޖިދުގެ ހޫނު ނޭވާ މުނިޔާ މޫނުގައި، މަޑުމަޑުން ފިރުމައިލުމާއެކު، މުނިޔާއަށް ދެ ލޯ މަރައި ފިއްތާލެވުނެވެ.

މުނިޔާއަށް ފެންނަމުން ދިޔައީ، ފިނިފެންމަލުގެ ބަގީޗާއެކެވެ. އެ ބަގީޗާގައި ފަރިވެ ފޮޅިފައި އިން، ވަސްމީރު ފިނިފެންމަލެކެވެ. އެ މަލުގެ ފިޔަތަކުގައި، ޝަބްނަމްގެ ތިކިތިތައް މުތީތަކެއް ފަދައިން ވިދަވިދާ ހުއްޓެވެ. އެ މާ ގޮފިކޮޅުގައި ދެ އަތަށް ހެލިލަހެލިލައި އިނެވެ. އިންތިޒާރެއްގައި އިން ކަހަލަވެ. އިރުކޮޅަކުން އެ މަލަށް ތިރިކުރީ، މަލުގެ ޢަދުއްވެއް، ހަތުރެއް ނޫނެވެ. މާބުރެއް ބަނޅިދެއް ފަދަ އަނިޔާވެރިއެއް ނޫނެވެ. އޯގާވެރިކަމުގެ އިންތިހާގައިވާ ރީތިރީތި ކޮކާލެކެވެ. އެ ކޮކާލަށް ޓަކައި މަލުގެ ފިޔަތަށް ވަގުތުން ހުޅުވާލިއެވެ. ކޮކާލުގެ އޯގާވެރި ފިރުމުންތަކަށް މާ ލެނބިލިއެވެ. ކޮކާލަށް ޓަކައި ފިދާވާން ފެށިއެވެ.

“ނުޖެހޭނެ ތި ގޮތަށް އޭނައަށް ޓަކައި ފިދާވާކަށް. އޭނާގެ ކިބައިގައި ވަދީފާއަށް ކުޑަކުޑަ ލޯތްބެއް އޮތް ނަމަވެސް، އެ ކަހަލަ ނުބައި ކަންކަމެއް ނުކުރާނެ! ވަރަށް ބޮޑު ބޭވަފާތެރިއެއް އެއީ.” ގޭ ބޭރު ޖޯލީގައި ވަދީފާ އިންދާ، އޭނާގެ ގާތަށް އައިސް އިނދެ ބޮލަށް ހުތްފެލަމުން ދިޔައީ، އެ ރަށުގައި އުޅޭ ނަން މަޝްހޫރު ވާހަކަ އޮޑިއެވެ. “މީހުން ބުނެއެއްނު ވަގަކަށް ހާސް ދުވަހޭ! ވެރިއަކަށް އެއް ދުވަހޭ! އެތައް ދުވަހަކު އެ ގަނޑެއް ގަތް ފަހުން، ފަޅާއަރައިގެން އެ އުޅެނީ. ނިކަން ތި ސިކުނޑިން ވިސްނަބަލަ!”

“މަށަށް ވަރަށް ރަނގަޅު ތި ކަހަލަ ވާހަކަ ދައްކަން ނަޝީދާ މި ގޭދޮށަށް ދެން ނައްޔާ!” ނުބުނަން އެތައް އިިރަކު އިނދެފައި، އެންމެ ފަހުން ވަދީފާ ބުންޏެވެ. އޭރު އޭނާގެ އަޑު ތުރުތުރު އަޅައެވެ.

“ކިހައި ރަނގަޅު! މަ ދޯ މި ގޯސް ވީ!” ނަޝީދާ ޖޯލިން ތެދުވިއެވެ. “މަ ހިނގައިދާނަން! އެކަމަކު ސަލީމަކީ ރަނގަޅު މީހެއް ނޫން! އެއީ ވަރަށް ނުލަފާ މީހެއް! އޭނާއަކީ ކަލެއަކަށް ވެސް ރަނގަޅު މީހެއް ނޫން!” ނަޝީދާ އަނގަތަޅަމުން، ކުދިކިޔަމުން ނިކުމެގެން ހިނގައްޖެއެވެ.

ނަޝީދާ އެ ގޮތަށް ވަދީފާއާ ވާހަކަ ދައްކަން އައި، އެއީ ދެވަނަ ދުވަހެވެ. އޭނާގެ ބޭނުމަކީ، ސަލީމް ގާތުން ވަދީފާ ވަރިކުރުވުމެވެ. ކޯޓަށް ފޯމުލައިގެން ސަލީމުގެ ގާތުން ވަދީފާ ވަރިވާންވީ ޔޯލައެވެ. ވަދީފާއާ އިންނާނެ ނުލާހިކު ރަނގަޅު މީހުން މި ރަށުގައި އެބަ ތިއްބޯލައެވެ. އޭގެތޭގައި އޭނާގެ ދޮންބެ ވެސް އެބަ ހުއްޓޭ އެ ދުވަހު ބުންޏެވެ.

ފުރަތަމަ ނަޝީދާ އައިސް އެ ވާހަކަ ދެއްކި ދުވަހު، ވަދީފާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެއީ ފިސާރި ދޫނުބައި އަންހެނެކެވެ. ކޮންމެ ފަދަ ވާހަކައެއް ވެސް، ރަށުތެރޭގައި ފަތުރައިލަފާނެއެވެ. އެހެންވެ އެ ދުވަހު އެއްޗެއް ނުބުނީއެވެ. މިއަދު އޭނާ އެ އައީ، އެ ދުވަހު ލިބުނު ހިތްވަރާއެކުގައެވެ. މިއަދު އޭނާ އައިސް ދެއްކީ، ސަލީމްގެ ނުބައި ވާހަކައެވެ. ގޯސް ވާހަކައެވެ. އެހެންކަމުން ވަދިފާ ބޭނުންވީ، އެ ސިލްސިލާ އެހައި ހިސާބުން މެދުކަނޑައިލާށެވެ.

ނަޝީދާ ނިކުމެގެން ދިޔުމާއެކު، ވަދީފާ އެ ތަނުން ތެދުވެގެން ގޮސް ވަނީ ކޮޓަރިއަށެވެ. އެއާއެކު އޭނާއަށް ރޮވިއްޖެއެވެ. ކޮޓަރީ ފާރުގައި ބޯ ޖަހައިގެން ހުރެ އެތައް އިރަކު އޭނާ ރުޔެވެ. ސަލީމުގެ ހަނދާނުގައި އޭނާގެ އެ ދެ ލޮލުން ހާދަ ކަރުނައެއް އޮހޮރައިފިއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، ސަލީމަށް އޭނާ ކުރާ އިތުބާރަކަށް ކުޑަކުޑަ ބަދަލެއް ވިޔަސް ނާދެއެވެ. ސަލީމްދެކެ ވާ ލޯތްބަކަށް ޒައްރެއްގެ މިންވަރަށް ވެސް އުނިކަމެެއް ނުލިބެއެވެ.

ރޯން ހުރެހުރެފައި ވަދީފާ ގޮސް ވަނީ ފާޚާނާއަށެވެ. މޫނު ދޮވެލައި ރީތިވެލައިގެން ބަދިގެއަށް ދިޔުމުގެ ގަސްތުގައެވެ. ފާޚާނާގައި ހުއްޓާ ފޯނު ރިންގުވާ އަޑު އިވިގެން އޭނާ އަވަސްކޮށްލައިގެން ނިކުމެ، އެނދުމަތީގައި އޮތް ފޯނުނެގިއެވެ. އެ ވަގުތު އޭނާގެ ދެ ލޯ ބޮޑުވިއެވެ. މޭގެތެރޭގައި އޮތް ހިތް ތެޅިގަތީ، އޮބިނޯންނަ ވަރަށެވެ. ދެ އަތް ތުރުތުރުއަޅައިގަތްވަރުން، ފޯނު ނުވެއްޓުނީ ވެސް ކިރިޔާއެވެ.

ހުއްޓުން އެރި ގޮތަށް ވަދީފާއަށް ހުރެވުނީ ކުރިއަށް ފިޔަވަޅެއް އަޅާން ވެސް ނޭނގިފައެވެ. މީހާ އެއްކޮށް ގަނޑުވެފައި ހުރި ކަހަލައެވެ. އެހެން ހުއްޓާ ފޯނު ކެނޑިއްޖެއެވެ. އޭނާއަށް ހޭވެރިކަން ވީ ދެނެވެ. ފޯނު ކެނޑުމާއެކު ފާޑަކަށް ތެޅެގަނެވުނެވެ. ވަގުތުން އެ ނަންބަރަށް ގުޅާން އުޅެވުނެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އަނެއްކާ ވެސް އެ ނަންބަރުން ފޯނު އަންނާން ފަށައިފިއެވެ.

ފޯނު ހިފައިގެން ވަދީފާއަށް ދުއްވައިގަނެވުނެވެ. ކޮޓަރިން ނިކުންނާށެވެ. އޭރު އޭނާގެ މޫނުމަތިން ފެންނާން ހުރީ އުފާވެރިކަމެވެ. ދެ ލޮލުން ފެންނާން ފެށީ ކަރުނައިގެ ތެތްކަމެވެ.

“ދަރިފުޅުމެންނޭ!” ކޮޓަރިން ނިކުތްގޮތަށް ވަދީފާ އަޑުގެ ކޮޅަށް ގޮވާންފެށިއެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް،  ސާމިންގެ ކޮޓަރީ ދޮރުފަތުގައި ތަޅައިގަތެވެ. “ދަރިފުޅާ! ދަރިފުޅާ ސާމިން! އަވަހަށް ނިކުމެބަލަ!”

ސާމިން އަވަސް އަވަހަށް ދޮރު ހުޅުވިއެވެ. އޭރު ޖެހިގެން ހުރި ކޮޓަރިން ސަނާ ވެސް ނިކުމެއްޖެއެވެ.

“ކިހިނެއްވީ މަންމާ!” ސާމިންގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. އޭނާއަށް ހީކުރެވުނީ މަންމައަށް ކޮންމެވެސް ކަމެއް ވީ ކަމަށެވެ.

“މި އޮތީ ބައްޕަ ގުޅާފަ!” ސާމިނަށް ފޯނު ދައްކާލަމުން، ވަދީފާއަށް ބުނެވުނީ މިހައި ހިސާބަށެވެ. އެއާއެކު އޭނާއަށް ރޮވިއްޖެއެވެ.

ސާމިން ވަގުތުން މަންމަގެ އަތުން ފޯނު އަތުލައި، ފޯނަށް ބަލައިލިއެވެ. ފެނުނީ ބައްޕަގެ ނަމެވެ. ބައްޕަގެ ނަންބަރެވެ. ސާމިންގެ ހިތް ތެޅިގަތެވެ. ތުރުތުރުއަޅާ އަތަކުން ފޯނު ނަގައި، ކަންފަތުގައި ޖައްސާލިއެވެ. އޭނާއަށް ޔަޤީންކުރެވުނީ ބައްޕަގެ ނަންބަރުން ކޮންމެވެސް އެެހެން މީހަކު ގުޅަނީ ކަމަށެވެ.

“އައްސަލާމް ޢަލައިކުމް!” މަޑުމަޑުން ސާމިން ބުންޏެވެ.

“ވަޢަލައިކުމް ސަލާމް!” ސާމިންގެ ކަންފަތުގައި ޖެހުނީ ބައްޕަގެ ރީތި އަޑެވެ. ބައްޕަގެ އަޑަކީ އޭނާއަށް އަބަދުވެސް ވަރަށް ރީތި އަޑެކެވެ. “ދަރިފުޅާ ސާމިން!”

“ލައްބަ!” ލިބުނު އުފަލެއްގެ ބޮޑުކަމުން، ސާމިންގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. ވަގުތުން ރޮވިއްޖެއެވެ.

” ދަރިފުޅާ! ކޮބާ މަންމަ؟” ސާމިނަށް ރޮވުނުކަން އެނގުމާއެކު، ސަލީމަށް ވެސް ރޮވިއްޖެއެވެ.

“މިހިރީ!” ދެ ލޮލުން ކަރުނަ ފޮހެލަމުން، މަންމަ އަތަށް ސާމިން ފޯނު ދިނެވެ.

“ހަލޯ!” ވަދީފާގެ ދެ ލޮލުން އަނެއްކާ ވެސް ކަރުނަ އޮހިގަތެވެ. އަރު ބެދުނެވެ. އިތުރަށް އެންމެ ލަފުޒެއް ވެސް ނުބުނެވުނެވެ. ސަނާ ކުރިއަށް ޖެހިލައި، މަންމަގެ އަތުގައި ހިފައިލިއެވެ. އެއާއެކު އެ ކުއްޖާއަށް ވެސް ރޮވިއްޖެއެވެ.

“ވަދީ!” ސަލީމް އާންމުކޮށް ވެސް ގޮވާ ގޮތަށް ވަދީފާއަށް ގޮވައިލިއެވެ. އެހެނަަސް ވަރަށް އުނދަގުލުންނެވެ. ވަރަށް ހިތްވަރުންނެވެ.

ސަލީމް އެ އުޅެނީ ރޮވޭވަރުން ވާހަކަ ނުދެއްކިގެންކަން ވަދީފާއަށް އެނގުނެވެ. ވަދީފާ ވެސް ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުމެވެ. ވަރަށް ގިނަ ސުވާލު ވެސް ސިކުނޑީގައި ވަނީ އުފެދިފައެވެ. އެހެންނަމަވެސް ހިތަށް ވެރިވެ އުތުރިއަރަމުން އަންނަ ޖަޒުބާތުތަކެއްގެ ގަދަފަދަކަމުން، އަނގައިން އެންމެ ލަފުޒެއް ވެސް ބޭރުކޮށްލެވޭ ވަރެއް ނުވެއެވެ.

ސަލީމް ގާތު ވަދީފާ އަހަން ބޭނުންވެއެވެ. ހާލު ކިހިނެއް ހެއްޔެވެ؟ ތި ތަނުން ރަނގަޅަށް ކާން ލިބޭ ހެއްޔެވެ؟ ތި ފަދަ ބޮޑު އަނިޔާއެއް ލިބެމުން ތި ދަނީ ކީއްވެގެން ހެއްޔެވެ؟  ވަދީފާ ބުނަން ބޭނުންވެއެވެ. ސަލީމް ނެތުމުން އަހަރެމެން މި އުޅެނީ، ވަރަށް ބޮޑު ހިތާމައެއްގައެވެ. ދަރިން ވެސް އެ ތިބެނީ އަބަދު ރޮއިރޮއިއެވެ. ރަށު މީހުން އަހަރެެމެންނަށް ހާދަ މަލާމާތެއް ކުރެއެވެ. އެހެންނަމަވެސް ކެތްކުރާނަމެވެ. ސަލާމަތްވެގެން އަންނާނެ ދުވަހަކަށް އިންތިޒާރުކުރާނަމެވެ. އަހަރެން ސަލީމަށް ވަރަށް އިތުބާރުކުރަމެވެ. ތީ ހެޔޮލަފާ ޞާލިޙު ފިރިއެކެވެ.

ވަދީފާގެ ހިތުގައި އެނބުރެމުން، މުގޯލިއަޅަމުން ދިޔަ ޚިޔާލުތަކާއި ވާހަކަތައް، އެ ހިތުތެރެއިން ނިކުމެވޭނެ ގޮތެއް ހޯދަމުން ހިތު ތެރޭގައި އެނބުރި ނަގަނީއެވެ. ދުލާ ހަމައަށް އަންނާން ބޭނުންވެގެންނެވެ. ދުލުގެ އެހީއާއެކު ސަލީމުގެ ކަންފަތަށް ވަންނާން ބޭނުންވާތީއެވެ. އެހެންނަމަވެސް އެއިން އެންމެ ޖުމުލައަކަށް ވެސް، އެ ފުރުސަތެއް ނުލިބުނެވެ.

ވަދީފާގެ ކަންފަތަށް ވަންނަމުން ދިޔައީ، ސަލީިމުގެ ގިސްލުމުގެ އަޑެވެ. މި ހިތްދަތި އަޑު އަހަން ހުރެހުރެފައި، އޭނާ މަޑުމަޑުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ސަނާ ހިނގައިގަތެވެ. އެ ވަގުތު ސަނާގެ އަތުގައި ސާމިން ހިފެހެއްޓިއެވެ. ކަރުނައިން ފޯވެފައިވާ ދެ ލޮލުން، ސަނާއާ ދިމާއަށް ބަލައިލަމުން ބޯ ހޫރައިލިއެވެ.

ވަދީފާ ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ތަޅު ވެސް ލިއެވެ. އެއަށްފަހު، އެނދުމަތީގައި ޖައްސާލިއެވެ. ދެ ލޯ ފޮހެލިއެވެ. ހިން ދިރުވައިލިއެވެ.

“ސަލީމް! ކިހިނެއް ތި ހެދީ؟” ވަރަށް ހިތްވަރުކޮށްފައި ވެސް، ވަދީފާއަށް ބުނެވުނީ މިހެންނެވެ. އަނެއްކާ ވެސް ރޮވުނީއެވެ.

“ވަދީ ވެސް ގަބޫލުކުރީތަ؟” ރުއިމުގެ ސަބަބުން، ސަލީމްގެ އަޑު ވަނީ ވަރަށް ބޮޑަށް ކުރެހިފައެވެ.

“ނުކުރަން! ދުވަހަކު ވެސް ނުކުރާނަން!”

“ކޮބާ ކުދިވެރިން؟”

“ބޭރުގަ އެބަ ތިބި. އެ ކުދިން ވެސް ރޮނީ. ސަލީމް! އަހަރެމެން ހާދަ އެކަނިވެރިއޭ!” ވަދީފާގެ އަރު ބެދުނެވެ.

“އެނގޭ ތިކަން!”

“ހޭދަވާ ކޮންމެ ދުވަހަކީ ގަރުނެއް!”

“ވަދީ! މީ ދުނިޔެ! ތަފާތު އިމްތިޙާނުތަކާ ކުރިމަތިލާން ޖެހޭނެ! މި ވެސް އެ ފަދަ އިމްތިޙާނެއް! އިރާދަކުރެއްވިއްޔާ މި ދުވަހަށް ވެސް މި އޮތީ ނިމުން އައިސްފަ.”

“ކީކޭ؟ ކީކޭ ތި ބުނީ؟” ވަދީފާއަށް ތެޅެގަނެވުނެވެ.

“އާނ! ވަދީ! ﷲގެ ހެޔޮ ރަޙުމަތާއެކު އަހަރެން މި ހިރީ މިނިވަންވެފަ.”

ސަލީމްގެ މި ޖުމުލައާއެކު، ވަދީފާއަށް ވީ ގޮތް ވެސް ނޭނގުނެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އެނދުމައްޗަށް ފޯނު ދޫކޮށްލާފައި، ދުއްވައިގަނެވުނީ ކޮޓަރިން ނުކުންނާށެވެ. އޭނާގެ ދެ ދަރިންނަށް އެ އުފާވެރި ޚަބަރު ދޭށެވެ. އެ ކުދިންގެ މަރުވެފައިވާ ހިތަށް ދިރުން ގެނެސްދެވޭތޯއެވެ.

“ދަރިފުޅުމެންނޭ! ﷲއަށް ޙަމްދުކުރޭ! ގިނަގިނައިން ޙަމްދުކުރޭ! ބައްޕަ މިނިވަންވެއްޖެ! ބައްޕަ ސަލާމަތްވެއްޖެ!” ވަދީފާ ދުވެފައި ގޮސް ސާމިނާއި ސަނާގެ ގައިގައި ބައްދައިގަންނަމުން، އަޑުން އަޑުނަގައި ރޯންފެށިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން، އެ ދެ ކުދީންނަށް ވެސް ރޮއިގަނެވުނީއެވެ. އަލްޙަމްދު ލިﷲއޭ ބުނަމުންނެވެ.

“ކީކޭ؟ ސަލާމަތްވީއޭ؟ ސަލީމު؟” ވަސީމާގެ ދެ ލޯ ބޮޑުވިއެވެ. އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ، ކުރިމަތީގައި ހުރި ފައިސަލްގެ މޫނަށެވެ.

“އާނ! ދެންމެ މަށަށް ގުޅި. ހަމަ ދެންމެއޯ ދޫކޮށްލީ.”

“ތީ ސަމާސާއެއްތަ؟” ވަސީމާއަށް ޤަބޫލު ނުކުރެވިގެން އުޅޭ ކަހަލައެވެ.

“ހަމަ ތެދެއް މިބުނި. ބުނި އިރުކޮޅަކުން އެބަ އަންނަމޭ ވެސް.” ގާތް އެކުވެރިއަކު މިނިވަންވުމުން މޫނުމަތިން ފެންނާންޖެހޭ ފަދަ އުފާވެރިކަމެއް ފައިސަލްގެ މޫނުމައްޗަކުން ނުފެނެއެވެ. ވަސީމާއަށް ވެސް މި ކަން ފާހަގަކުރެވުނެވެ.

“ކިހިނެކޯ މި ވީ.”

“މުއްދަތު ޖަހަން ކޯޓަށް ގެންދިޔައިމަ ކޯޓުން ދޫކޮށްލީއޭ ބުނީ.”

ސަލީމް މިނިވަންވީއެވެ. އަފާގެ މަރުގެ މައްސަލަ އޭނާގެ މައްޗަކަށް ސާބިތެއް ނުވިއެވެ. ސަބަބު ވަރަށް ސާފެވެ. އަފާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި، އަފާ މަރުވި ދުވަހާއި ވަގުތު، ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތެވެ. އަފާ މަރާލައިފައި ވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ރެއަކީ، ސަލީމް މާލޭގައި ހުރި ރެއެއް ނޫނެވެ. އެ ރޭ އޭނާ އުޅުނީ ތުލުސްދޫގައިކަން ތަޙުޤީޤަށް ވަނީ ސާބިތުވެފައެވެ. އެހެންކަމުން ސަލީމް ބަންދުގައި ބަހައްޓަން ޖެހޭކަމަށް ޝަރީޢަތަށް ނުފެންނާތީ އޭނާ މިނިވަންކުރީއެވެ.

އެންމެ ދުވަހަކު ވެސް މާލޭގައި މަޑުކުރާކަށް ސަލީމް ބޭނުމެއް ނޫނެވެ. ދިމާވި ކަންތައްގަނޑާ ގުޅިގެން، މާލެއަކީ ވަރަށް ބިރުވެރި ނުރައްކާތެރި ތަނެއްގެ ގޮތުގައި ދެކެވެންފެށީމައެވެ. އެހެންކަމުން އޭނާ ބޭނުންވަނީ މިހާރު މި ވަގުތު ވެސް ފުރައިގެން ރަށަށް ދާށެވެ. ރަށަށް ފުރާ އޮޑިއެއް އޮތްތޯ އޭނާ އެ ދުވަހު ބެލިއެވެ. ނަސީބު ރަނގަޅުކަމުން، ހަމަ އެ ރޭ ފުރާ އެއްޗަކާ ދިމާވިއެވެ.

އެ ރޭ ސަލީމާއި ފައިސަލް ކެއީ ބަނދަރުމަތީގައި ހުރި ހޮޓަލަކުންނެވެ. ސަލީމް ފުރަން ހަމަޖެހިފައި އޮތީ، އެ ރޭ މެންދަމު ބާރަޖަހާއިރު ކަމަށްވާތީ، ފައިސަލް އެ ރޭގެ ހުރިހައި ވަގުތެއް ހޭދަކުރީ، ސަލީމާ އެކުގައެވެ. ބަންދުގައި ހުރި ދުވަސްތަކުގެ ހިތްދަތި ވާހަކަތަކާއި އުޅުނު ދަތި ހާލު އޭނާ ފައިސަލަށް ކިޔައިދިނެވެ. ޖަލުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އޭނާގެ ބައިވެރިއަކީ ހެއްދެވިފަރާތެވެ. ކަމަކީ އެ ފަރާތަށް އަޅުކަންކޮށް ހެޔޮ ދުޢާކުރުމެވެ. އެ ކަމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

“މަގޭ ހިތަށް އަރަނީ އެއީ ކާކު ކުރި ކަމެއް ބާއޭ؟” އެއްޗެއް ނުބުނެ އިނދެއިނދެފައި ފައިސަލް މަޑުމަޑުން އަހައިލިއެވެ.

“މަށަށް އެއް ރޭ ފެނުނު ހުވަފެނެއް ކިޔައިދެންތަ؟”

“ހޫނ!” ސަލީމާ ދިމާއަށް ފައިސަލް ބަލައިލިއެވެ.

“އެއްޗެއް ހީނުކުރައްޗޭ!” ސަލީމް ހުވަފެން ކިޔައިދޭން ބޭނުންނުވާހެން ވެސް ހީވެއެވެ. “ޖަލުގައި އޮތް ރެއަކު، ނިދިޖެހިިލިތަނާ މަށަށް ފެންނަނީ ފައިސަލް ރޮމުންރޮމުން އަންނަތަން. އައިސް ބުނަނީ ސަލީމޫއޭ، މަށަށް މާފުކުރާށޭ! ސަލީމަށް ތި ލިބޭ އަނިޔާއަކީ، މަށަށް ކުރެވުނު ކުށެއްގެ ސަބަބުން ލިބޭ އަނިޔާއެކޭ.”

ސަލީމުގެ ވާހަކަ މިހައި ހިސާބަށް ދިޔަތަނާ، ފައިސަލަށް ލިބުނު ކުއްލި ސިހުމާއެކު ތެޅެގަނެވުނެވެ. ގޮނޑިން ނުވެއްޓުނީ ވެސް ކިރިޔާއެވެ. އޭރު އޭނާގެ ދެ ލޯ ހުރީ މުދުނުގައެވެ. މޫނުމަތީން ފެންނާން ހުރީ ސިހުމެވެ. ފައިސަލަށް ވީ ގޮތް ފެނިފައި، ސަލީމްގާތަށް އައީ ހިންޏެވެ.

“ހަމަޖެހޭ! މި ކިޔަނީ ފެނުނު ހުވަފެނެއްގެ ވާހަކައޭ.”

“ތި ކަހަލަ ހުވަފެން ފެންނަންޏާ ބިރުގަންނާނެއެއްނު!” ގަދަކަމުން ކަހަލަ ގޮތަކަށް ފައިސަލް ހިނިތުންވެލިއެވެ.

ސަލީމްގެ ވާހަކަތައް އަޑުއަހަން ފައިސަލް އިނީ، ހިމޭނުންނެވެ. މާ ބޮޑު ވާހަކައެއް ނުދައްކައެވެ. އޭނާއަށް ކުރިމަތިވެގެން އުޅޭ ކަންތައްގަނޑު ސަލީމާ ހިއްސާކުރަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ވާހަކަ ދައްކާނޭހައި ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

ސަލީމް ރަށަށް ފުރާ އޮޑި މާލޭ ބަނދަރުން ބޭރުކުރާންދެން، ފައިސަލް ބަނދަރުމަތީގައި ހުއްޓެވެ. އޭނާ ގެއަށް ދިޔުމަށް ޓަަކައި، ސައިކަލާ ދިމާއަށް ހިނގައިގަތް އިރު، ބާރަގަޑި ފަނަރަ ހިނގަނީއެވެ.

ފައިސަލް ސައިކަލަށް އަރައި އިސްޓާޓުކުރަން އުޅެއުޅެ، ސައިކަލް އިސްޓާޓެއް ނުވިއެވެ. ޕެޓްރޯލް ވެސް އެބަ ހުއްޓެވެ. އެހެންނަމަވެސް އިސްޓާޓެއް ނުވިއެވެ. ބާރަގަޑި ބައިވާންދެން އޭނާ މަސައްކަތްކުރިއެވެ. އެނެްމެ ފަހުން ދާހިއްލާ ފޯވެ، ގޮތް ހުސްވުމުން، އެ މަސައްކަތް ހުއްޓާލައިފައި އޭނާ ސައިކަލުން ފޭބިއެވެ.

ފުރަތަމަ ފައިސަލް ގަސްދުކުރީ، ސައިކަލް ހިފައިގެން ހިނގާފައި ގެއަށް ދާށެވެ. އެހެންނަމަވެސް ބަނދަރުމައްޗާ ގެއާ ވަރަށް ދުރެވެ. ސައިކަލް ދަމާފައި ގެއާ ހަމައަށް ދިޔުމަކީ، އެހައި ފަސޭހަކަމެއް ނޫނެވެ. އެ ޚިޔާލު ދޫކޮށްލާފައި، އޭނާ ހިނގައިގަތީ އެެހެންވެއެވެ. ސައިކަލް ބަލައި މާދަމާ އަންނާނީއެވެ.

ފައިސަލް ހިނގަމުން ދިޔައީ މާލޭގެ އުތުރުފަރާތު ބަނދަރުމަތީގެ ހަނި ގޯޅިތަކުން މައިމަގަށް ނިކުތުމަށެވެ. ވަގުތަކީ މެންދަމުގެ ވަގުތުކަމުން، އެ ގޯޅިތަކުގައި ވަނީ މަރުގެ ހަމަހިމޭންކަމެވެ. ދޭތެރެއަކުން ދުއްވާފައި ދާ ސައިކަލެއް ދުރުން ފެނުނަސް، ގިނަ ވަގުތު ފެންނަނީ ފަޅުކޮށެވެ. އެހެންކަމުން ފައިސަލްގެ ހިތަށް ޒާތެއްގެ ބިރުވެރިކަމެއް ވެރިވާން ފަށައިފިއެވެ. ނުބައި ވަސްވާސްތަކަކުން ހިތުގެ ހަމަޖެހުން އިރާ ކުދިކުދިކުރާން ފަށައިފިއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު، ފައިސަލް ގޮސް ނިކުތީ އޯކިޑްމަގަށެވެ. ނިކުތުމާއެކު އޭނާގެ ކައިރިއަށް އައިސް މަޑުކޮށްލީ ކަޅުކުލައިގެ ޓެކްސީއެކެވެ. ޑްރައިވަރު ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އޭނާއާ ހަތަރުކަޅި ހަމަނުކުރިޔަސް، މަޑުމަޑުން އަހައިލީ، ދަތުރެއް ބޭނުންތޯއެވެ.

ފައިސަލް ވިސްނައިލިއެވެ. މިއީ ރަނގަޅު ކަމެކެވެ. ތިރީސް ރުފިޔާ ދިޔަސް، މި ވަގުތު ކާރެއްގައި ދިޔުން މާ ބުއްދިވެރިއެވެ. އަދި ވަރަށް ދުރަށް ހިނގައިގެން ނޫނީ، ގެއާ ހަމައަކަށް ނުފޯރާނެއެވެ. އެހެންކަމުން ޑްރައިވަރު ގާތުގައި އާއެކޭ ބުނެފައި، އޭނާ ކާރަށް އަރައި ފަހަތު ގޮނޑީގައި ޖައްސާލިއެވެ. ވަގުތުން ކާރު ދުއްވާލައިފިއެވެ. ދާންވީ ކޮންތާކަށްތޯ ވެސް ޑްރައިވަރު އަހައިނުލައެވެ. މިސްރާބުކުރީ އިރަށެވެ.

ކާރަށް އެރުމާއެކު، ފައިސަލަށް ވަރަށް ތަފާތު ގޮތްތަކެއް ވެއްޖެއެވެ. ހިތުގެ ނުތަނަވަސްކަން ކުރިއަށްވުރެ ބޮޑުވެއްޖެއެވެ. ކާރުތެެރޭގައި ހިފާފައި ހުރި ޒަވި ވަހާއި އިވޭންފެށި ތޫލި އަޑާއި ފިނިހޫނުމިން ހުރި މިންވަރާއި ކާރުގެ ދުވެލީގެ ހަލުއި މިނާއި މި ހުރިހައިކަމެއް އެކަތިގަނޑަކަށް ވެގެން އައިސް، ފައިސަލްގެ ހަށިގަނޑުގައި ބިރުވެރި އިހުސާސްތަކެއް އުފައްދައިފިއެވެ.

“މި ތަނަށް މަޑުކުރޭ!” ކަންބޮޑުވި ވަރުން ފައިސަލް ބޭނުންވީ މިހާރުން މިހާރަށް، އެ ކާރުން ފައިބާށެވެ. ހިނގާފައި ދިޔުން ވެސް މާ ރަނގަޅުވާނޭކަން ގަބޫލު ކުރެވުނީމައެވެ.

ފައިސަލްގެ ޖުމުލަ ޑްރައިވަރަށް އިވުނުހެނެއް ހިޔެއް ނުވެއެވެ. ކަހާތަން ހިރުވައި ވެސް ނުލައި އޭނާ އިނެވެ. ފައިސަލްގެ ހިތުގެ ނުތަނަވަސްކަން ބިރުވެރިކަމަށް ބަދަލުވާން ފެށިއެވެ. އަރައި މި އިނދެވުނީ ޓެކްސީއަކަށް ބާވައެވެ؟ ނޫނީ މަގުފޭރޭ މީހެއްގެ އުނގަށް ބާވައެވެ؟

“ކޮން ތާކަށްތަ ތި ދަނީ؟ މިހާރު މާ ދުރަށޭ މި ދެވެނީ؟” އިރުމަތީ ފަރާތު ބޭރު މަގަށް އެޅުމާއެކު، ފައިސަލަށް ހަޅޭއްލަވައިގަނެވުނެވެ. މި ފަހަރު ހަމަ ޔަޤީނުން ވެސް އޭނާއަށް ފައިސަލްގެ އަޑު އިވޭނެއެވެ. އެހެންނަމަވެސް އޭނާ ހަމަ އަޅައި ވެސް ނުލިއެވެ. އެ ދިޔަ ގޮތަށް ގޮސް އެރީ މާލެ-ހުޅުމާލެ ބުރިޖަށެވެ. އެއާއެކު ކާރުގެ ދުވެލި އިހުނަށް ވުރެ ވެސް ހަލުއިކޮށްލައިފިއެވެ. މީޓަރުގެ ކަށި 120 އަށް ނެގިއެެވެ.

ފައިސަލްގެ ކަންބޮޑުވުން އިންތިހާއަށް އަރައިފިއެވެ. އޭނާގެ ހިތުގެ ތެޅުން، އޮބި ނޯންނަ ދަރަޖައަށް ހިނގާއްޖެއެވެ. ހިތް ބުނާން ފެށީ، ހަޔާތުގެ ފަހު ސިކުންތުކޮޅު ގުނާން ފެށުނީ ކަމަށެވެ. އޭނާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ގަނޑުވެފައެވެ. ހިތަށް ވެރިވަމުން ދިޔައީ ނާއުއްމީދުގެ ބިރުވެރިކަމެވެ. އަނބިމީހާއާއި ދަރިންކޮޅުގެ ތަސްވީރުތައް ހިތުގެ ލޮލުގެ ކުރިމަތީގައި ހަރަކާތްކުރާން ފެށުމާއެކު، ދެ ލޮލުން ކަރުނަ އޮހިގަތެވެ. ލިބުނު ހިތްދަތިކަމެއްގެ ބޮޑުކަމުން ތިރީ ތުންފަތުގައި ދައިގަނެވުނެވެ.

“ކޮންތާކަށް އަހަރެން ގޮވައިގެން ތި ދަނީ؟ އަހަންނަށް ތިހެން ނަހަދާ!” ފައިސަލުގެ އާދޭހުގެ އަޑާއެކު، ޑްރައިވަރު އެނބުރި ފައިސަލާ ދިމާއަށް ފުރަތަމަ ފަހަރަށް ބަލައިލިއެވެ. އެ ވަގުތު ފައިސަލްގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ. މުޅި ގައިން ހީބިހި ނަގައިގަތެވެ. ބޮޑެތި ފޮޅުތަކުން ފުރިފައިވާ އެންދެރި މޫނު ފެނިފައެވެ. ބޮލުގައި ހޭވިފައި އޮތް ކަށިނަރު އިސްތަށިގަނޑު ފެނިފައެވެ. ރަތް އަނގުރު ދެ ލޯ ފެނިފައެވެ. ގަތް ބިރެއްގެ ބޮޑުކަމުން، ފައިސަލަށް ދެ ލޯ މަރައި ފިއްތާލެވުނެވެ.

ދެ ލޯ މެރިގޮތަށް ފައިސަލް އިނީ ލޯ ހުޅުވާލަން ނުކެރިފައެވެ. އެހެން އިންދާ ކުއްލިއަކަށް ކާރުގެ ހަލުއި ދުވެލި ހުއްޓުނު ކަމުގެ އިހުސާސެއް ކުރެވިއްޖެއެވެ. އެއާއެކު އޭނާގެ ހަށިގަނޑު ތޮރުފާން ފެށީ، ގަނޑުފެނުގެ ވައިރޯޅިންނެވެ. އޭނާއަށް އަވަސްއަވަހަށް ދެ ލޯ ހުޅުވައިލެވުނެވެ. ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަށް އިނދެވުނީ ކާރުގައެއް ނޫނެވެ. މަގުމަތީގައެވެ. ހުޅުމާލެއަށް ދާން އޮންނަ ހަލިމަގުގެ މެދުގައެވެ. ހުޅުމާލެއާއި ހުޅުލެއާ ދެމެދު، މޫދާވި ފަރާތުގައެވެ. އޭރު ހުޅުމާލެއިން މާލެއަށް މިސްރާބު ޖަހާފައިވާ ކާރެއް، ހަލުއި ދުވެލީގައި ދުރުން އަންނަތަން ފެނެއެވެ. ކާރުގެ މިސްރާބު ހުރީ އޭނާއާ ދިމާއަށެވެ.

މި މަންޒަރު ފެނުމާއެކު ފައިސަލަށް ފުންމައިގެން ތެދުވެވުނެވެ. އަވަސްއަވަހަށް ދުއްވައިގަނެވުނެވެ. މަގުގެ އެއް ފަރާތަށް އެރުމަށެވެ. ގޮނޑުދޮށާ ވީ ފަޅިއަށް އޭނާއަށް އެރުނީ ހަމަ ކިރިޔާއެވެ. ދުރުން އައި ކާރު، ވިދުވަރެއް ފަދައިން އައިސް އޭނާ ފަސްދީ އޮބާލައިފިއެވެ. ކާރުގެ ޝިކާރައަކަށް އޭނާ ނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ހަލިމަގުގައި ފައިސަލް އެކަނި ވެއްޖެއެވެ. އޭނާއަށް ހުރެވުނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ކާރުގައި އޭނާ ގޮވައިގެން މިހައި ހިސާބަށް އައީ އިންސާނެއް ނޫނެވެ. މިއީ އޭނާގެ ކިބައިން ބަދަލުހިފަން ނިކުމެ އުޅޭ ރޫޙާނީ މަޚުލޫޤު ކުޅެލި ކުޅިގަނޑެކެވެ. ފައިސަލްގެ ހިތް ރޯމަހެއް ފަދައިން ތެޅިފޮޅެމުން ދިޔައެވެ.

ފައިސަލް ހުރި ސަރަޙައްދަށް އަތްގަދަކޮށްފައިވާ ފަނޑު އަލިކަމާއި ޖެހޭ ފިނި ވައިގެ ތޫނުކަމާއި ކަނޑުން ނަގާ ރާޅުތަކުގެ ބިރުވެރި ހޭރުމާއި ނޭފަތަށް ވަންނަމުން ދިޔަ ކަނޑުތޮށީގެ ފަރުހަކިވަހާއި މި ހުރިހައި ކަމެއް އަތުގުޅާލައިގެން އައިސް، ފައިސަލްގެ ހިތް ބިރުވެރިކަމުގެ ފުން ވަޅުގަނޑަކަށް ވަނީ ވައްޓައިލައިފައެވެ. ވަށައިގެން އެކި ދިމަދިމާއަށް ކަޅި ހޫރަމުން އޭނާ ގެންދިޔައެވެ. ސިހުމާއި ހާސްކަމާއެކުގައެވެ. ކުރިމައްޗަށް ބަލައިލައިފިއްޔާ ހީވަނީ، ފުރަގަހުން އައިސް ކަރުގައި ހިފައިފާނޭ ހެންނެވެ. ކަނާތްފަރާތަށް ބަލައިލައިފިއްޔާ ވާތްފަރާތުން އަރައި ކައިފާނޭ ހެންނެވެ. މި ފަދަ ހާލެއްގައި ހުރިއިރު، އޭނާގެ މުޅި ހަށިގަނޑު ދެ ކަމަކުން ރޫރޫ އަޅަމުން ދެއެވެ. އޭނާއަށް ހުރެވުނީ ކުރިއަށް ވެސް ފަހަތަށް ވެސް ފިޔަވަޅެއް އަޅާން ނުކެރިފައެވެ. ބިމުގައި ދެ ފައި ތަތްލާފައެވެ.

“ކޮބާތަ ކުރީ ރޭ ގަދަ ބަސް ބުނި ދޫ؟”

ކަންފަތް ބުޑުން އިވުނު ބިރުވެރި އަޑާއެކު، ފައިސަލަށް ހަޅޭއްލަވައިގެންފައި ދުރަށް ފުންމައިގަނެވުނެވެ. އަޑު އައި ދިމާއަށް ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުޅި މާޙައުލުގައި ވަނީ ފަޅުކަމެވެ. ވައިރޯޅިއާ ވާދަކޮށް މާލެއިން ހުޅުމާލެއަށް، ނޫނީ ހުޅުމާލެއިން މާލެއަށް ދާ ކާރެއް ނޫނީ ސައިކަލެއް ދޭތެރެއަކުން ފެނުނު ކަމުގައި ވިޔަސް، ގިނަ ވަގުތު މަގު އޮންނަނީ ފަޅަށެވެ. އެހެން ދާ މީހަކަށް ވެސް ފައިސަލް ފެންނަހެނެއް ހިޔެއް ނުވެއެވެ.

“މަށަށް ހަމަ އެއް ކަމެއް ވެސް ނުކުރެވޭނެ ދޯ؟” ފައިސަލްގެ ކަންފަތަށް ވަނީ މަލާމާތުގެ ޖުމުލައެކެވެ. އެއާއެކު ޖައްވު ގުގުމާލީ، ހަމަ އެ ފަދަ ހިނިގަނޑެއްގެ އަޑުންނެވެ.

ފައިސަލްގެ ހިތް ތެޅޭވަރުން ހީވަނީ، މޭ އިރާލާފައި ނިކުންނާން އުޅޭހެންނެވެ. މި ރޭ އޭނާއަށް އެ މަޚުލޫޤު ކޮންމެ ގޮތެއް ހެދިޔަސް، ތަނެއް ދޮރެއް އެނގޭނެ މީހަކު ނުހުންނާނެއެވެ. ކުރިމަތީގައި މި އޮތީ ފުންމިން ނޭނގޭ ކަނޑެވެ. މަރައި ވައްޓާލިޔަސް އެނގޭނެ މީހަކު ނުހުންނާނެއެވެ. މަސްމަހާމެހީގެ ކާނާއަށްވެ ނިމިދާނީއެވެ. މި ކަހަލަ ޚިޔާލުތަކާއެކު، ބިރުގަތްލެއް ބޮޑުކަމުން، އޭނާއަށް ރޮވޭން ފަށައިފިއެވެ. މުޅި ހަށިގަނޑު ދަލުން ފޯވެއްޖެއެވެ.

“ކުރީ ރޭ އަޑަށް ބާރުލާފައި ބުނި، ތިމަންނަ ބިރެއް ނުގަންނާނެއޭ!” އަނެއްކާ ވެސް އެ އަޑު ކަންފަތްދޮށުގައި ގުގުމައިލިއެވެ. “ކޮން ރުއިމެއް ތި ރޮނީ؟”

“އަހަންނަށް ތިހެން ނަހަދާ! ހެޔޮނުވާނެ!” ތުރުތުރުއަޅަމުން ދިޔަ އަޑަކުން، ފައިސަލް އާދޭސްކުރަންފެށިއެވެ.

“ކަލެެއަށް ހަމަ ބިމަށް ތިރި ވެވިއްޖެތަ؟”

“އަހަންނަށް މާފުކުރޭ! ދެން އަހަރެން އެ ކަހަލަ…!”

“މާފުކުރާށޭ؟!” ބަރު ކުރަކި އަޑަކުން، މުޅި ފަޒާ ގުގުމައިލިއެވެ. ފައިސަލްގެ ކަންފަތް ބައްވިއެވެ. “ތި ހެން ހިތަށް ވެސް ނާރުވާތި! ތީ ވާނެކަމެއް ނޫން! އަހަރެން ދުވަހަކު ވެސް ކަލެއަކަށް މާފެއް ނުކުރާނަން! ކުރިއަށް އޮތީ ކަރުނައިގެ ދުވަސްތައް. ހިތްދަތިކަމުގެ ވަގުތުތައް. ހިތްވަރެއް ހުރިއްޔާ އެ ދުވަސްތަކަށް ތައްޔާރުވޭ!”

ފައިސަލަށް ހުރެވުނީ ބުނާނެ އެއްޗެއް ކުރާނެކަމެއް ނޭނގިފައެވެ. އޭނާއަށް ލިބެމުން މި ދަނީ ކޮން ފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ މި ނުލަފާ ޝަިތާނާ ދެން ކުރާނީ ކޮން ކަމެއްކަން ވެސް ނޭނގެއެވެ. އޭނާ އެންމެ ކަންބޮޑު ވަނީ، ވަސީމާއަށް ނޫނީ ދަރިއަކަށް ދެރަގޮތެއް ހަދާފާނެތީއެވެ.

ދެ އަތް ދެއަތަށް ފިތަފިތާ ހުރި ފައިސަލަށް ކުއްލިއަކަށް އިޙުސާސްވީ، އޭނާ އެ ހުރިތަނުން މަޑުމަޑުން ހިއްލޭންފެށި ކަމުގެ އިހުސާސެކެވެ. އެ ވަގުތު އޭނާއަށް ތެޅިގެންފައި އަވަސްއަވަހަށް ތިރިއަށް ބަލައިލެވުނެވެ. އާއެކެވެ! އޭނާ އެހެރަ އަރަނީ މައްޗަށެވެ. ބިމުން ފައި ނެއްޓިއްޖެއެވެ. ވައިގެތެރޭގައި މީހާ ހައްޔަރުވެއްޖެއެވެ.

ގަތް ބިރެއްގެ ބޮޑުކަމުން، ފައިސަލަށް ތެޅެގަނެވުނެވެ. އޭނާ އުޅުނީ، އޭނާގެ މައްޗަށް ވެރިވެގަތް ބާރުގެ ދަށުން ވީއްލޭށެވެ. އެހެންނަމަވެސް އެ ކަމެއް ނުވިއެވެ. އޭނާގެ އެއްވެސް އިޚުތިޔާރެއް، ބާރެއްް ނެތި، ވައިގެތެރޭގައި ނުފެންނަ ބާރަކުން އޭނާ ގެންދާން ފަށައިފިއެެވެ. ކުރިމަތީގައި އޮތް މަސިންގާ ކަޅު ކަނޑާ ދިމާއަށެވެ.

ފައިސަލްގެ ދެ ލޯ ބޮޑުވެއްޖެއެވެ. އޭނާ ބޭނުންވަނީ ހަޅޭއްލަވާށެވެ. މީހަކަށް އިވިގެން އައިސް، އޭނާ ސަލާމަތްކޮށްދޭތޯއެވެ. އެހެންނަމަވެސް އެ ކަމެއް ނުވިއެވެ. އަނގައަކުން އަޑެއް ބޭރެއް ނުވެއެވެ. ހަށިގަނޑަކަށް އެއްވެސް ހަރަކާތެއް ނުގެނެވެއެވެ. މިހިރަ ގެންދަނީ ކަނޑާ ދިމާއަށެވެ. އޭނާގެ ވަސް މި ރޭ ދުނިޔެއިން ފިލާނޭކަން ކަށަވަރުވުމާއެކު، ހެޔޮ އެއްޗެއް ކިޔޭތޯ އޭނާ އުޅުނެވެ. އެހެންނަމަވެސް އެ ކަމެއް ވެސް ނުވިއެވެ.

ކަނޑުތޮށްޓާ ހަމައަށް ފައިސަލް ގެންދިޔަތަނާ، އޭނާގެ ހަށިގަނޑަށް ލިބުނު ލުޔާއެކު އަޑު ބޭރުވާން ފަށައިފިއެވެ. އޭނާއަށް ވަގުތުން ހަޅޭއްލަވާން ފެށުނެވެ. ދޫކޮށްލުމަށް އެދި އާދޭސްކުރާން ފެށުނެވެ. އޭރު ވިއްސަކަށް ފޫޓް މަތީގައި އެލުވިފައި އޮތް ފައިސަލަށް، ތިރިން ފެންނަމުން ދިޔައީ ތޮށްޓަށް މުގުރަމުން ދާ ރާޅުތަކެވެ. އެ ރާޅުތައް އޭނާގެ ހަށިގަނޑު ޝިކާރަކުރުމަށް ޓަކައި ދަހިވެތިކަމާއެކު ފުމެމުންދާ ކަހަލައެވެ.

“ހަނދާން ބަހައްޓާތި! މަށާބެހޭ ގޮތުން އެއްވެސް މީހެއްގެ ގާތުގައި އެއްްވެސް ވާހަކައެއް ދައްކައިގެން ނުވާނެ!”

“ދެން ނުދައްކާނަން! ދުވަހަކު ވެސް ނުދައްކާނަން!” ފައިސަލް ވަގުތުން ލޮލުން ބޮލުން އެއްބަސްވިއެެވެ.

ކުއްލިއަކަށް ބޯ މަތިން ބަޑިއެއްޖެހި ކަހަލަ ގަދަފަދަ އަޑެއް އިވުމާއެކު، ފައިސަލްގެ ހަށިގަނޑު ވީއްލިއްޖެއެވެ. އެއާއެކު އެ ހުރިގޮތަށް ލޮނުގަނޑުގެ ތެރެއަށް އޭނާ ވެއްޓިއްޖެއެވެ. ދިޔަވަރު ހިކިފައި އޮތް ވަގުތެއްކަމުން އިސްކޮޅުޖެހެއެވެ.

ފައިސަލް ފުންމައިގެން ތެދުވެ، މޫނުން ލޮނުތައް ފޮހެލަމުން އިސް އުފުލައި މައްޗަށް ބަަލައިލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ ބޮޑު އަލިފާން ބޯޅައެއް މައްޗަށް އަރައިގެން ގޮސް އޮބައިލާ މަންޒަރެވެ. އޭނާ އެ ތަނަށް ދޫކޮށްލާފައި އެ މަޚުލޫޤު ދިޔައީކަން ކަށަވަރުވިއެވެ. ފައިސަލަށް ހުރެވުނީ މައްޗަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓާ އޭނާދެ ދެ ލޯ ފުރިގެން އޮހިގެންފިއެވެ.

ވަސީމާ ހެނދުނު ހޭލައިގެން ފާޚާނާއަށް ވަންއިރު، ފައިސަލް ލައިގެން ހުރި ގަމީހާއި ފަޓުލޫނު އޮތީ، ތަށްޓަކަށްލައި ފެންއަޅާފައި ފާޚާނާ ތެރޭގައެވެ. ވަސީމާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާގެ ހިތް ބުނީ، މިއީ ގޯހެއް ކަމަށެވެ. ފައިސަލް އަނެއްކާ ވެސް ގަނޑު ގަންނާންފެށީ ކަމަށެވެ.

ފައިސަލަށް ހޭވެރިކަންވީ އެ ދުވަހު މެންދުރުވިފަހުންނެވެ. ތިންހަތަރު ފަހަރު ވަސީމާ އައިސް ގޮވިފަހުންނެވެ. ހޭލައިގެން ވެސް އިންނަނީ ފާޑަކަށެވެ. ނުރުހިފައި ހުރި ވަސީމާ އަނގަތަޅާންފެށިއެވެ. ރޭ ގެއަށް އައިލެއް ލަސްވީމައެވެ. ލައިގެން ހުރި އެއްޗެހި ތެންމައި ގުޅަކޮށްފައި ހުރީމައެވެ. އާމްދަނީއެއް ހޯދަން ކަމުދާ ގޮތަކަށް މަސައްކަތެއް ނުކުރާތީ، އެ ކަމާ ވެސް އަނގަތެޅިއެވެ.

“ދަރިން ހޯދާ ފައިސާކޮޅުން އަބަދަކު ހަމައެއް ނުޖެއްސޭނެ. ތި ފާޑަށް އުޅެންޏާ މާލެ ދޫކޮށްލާފަ ރަށަށް ދާންއުޅެންވީ.”

ވަސީމާ ތަޅަމުން ދިޔަ އަނގައަކަށް، ފައިސަލް އެއްޗެއް ނުބުނެެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގެ ހައިޖާނު މާ ބޮޑެވެ. ރޭ ހިނގައި ދިޔަ، ނުރައްކާތެރި ބިރުވެރި ހާދިސާގެ ހަނދާންތަކުން އޭނާގެ ހިއްސުތައް ވަނީ އައްސިކޮށްފައެވެ. މަރުނުވެ ސަލާމަތްވެފައި އެ ހުރީ ހަމަ ކިރިޔާއެވެ. އެހެންނަމަވެސް މި ވާހަކަތައް ވަސީމާއަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ފުލުހުންގެ އެހީތެރިކަން ނުލިބުނު ނަމަ، ރޭ އޭނާއަށް ގެއަށް ވެސް ނާދެވުނީހެވެ. ވަސީމާ އަނގަތަޅަން ފެށުމުން، ފައިސަލަށް ރޮވުނީއެވެ.

“ދޮންތައަށް ހަމަ ސާބަސް! އެއީ ދެން ރޯ ވަރުގެ ކަމެއްތަ؟” ނިޔަމްއާއި މުނިޔާ ތިބީ ނިޔަމްގެ ކޮޓަރީގައެވެ. އެއީ އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެވެ.

“ދޮންތަ ބުނީ، ކިރިޔައޭ ނުރޮވުނީ.”

“އެކަމަކު ތީ ވަރަށް މަޖާ ވާހަކައެއް! ދޮންތަބެ ގާތު ތި ވާހަކަ ބުނާނަން!”

“ހެޔޮ! ދޮންތައަށް ނުދީ، ކޮއްކޮއަށް މާ ގެނެސްދޭކަށް ދޮންތަބެއަކަށް ނުޖެހޭނެ!” މުނިޔާގެ އަޑުގައި ހުރި ސާމާސާ ރާގު ނިޔަމްއަށް އެނގެއެވެ. ދޮންތަ ޑްރާމާ ކުޅެނީކަން ވެސް އޭނާއަށް އެނގެއެވެ.

“އޯކޭ! ދޮންތަބެ އޮފީހުން އައިމަ ބުނާނަން ދޮންތައަށް ވެސް މަލެއް ގެނެސްދޭށޭ!” މުނިޔާ ކުޅެމުން ގެންދިޔަ ޑްރާމާގައި ނިޔަމް ވެސް އައީ ބައިވެރިވަމުންނެވެ.

މުނިޔާ އެ ކޮޓަރިއަށް އައީ ނިޔަމް ގޮވީމައެވެ. ނިޔަމް ކުރަހާފައިވާ ފިނިފެންމާ ދައްކަން ވެގެންެނެވެ. އެއީ، ކުރީ ރޭ ސާޖިދު ގެނެސްދިން ފިނިފެންމާ ބަލައިގެން އޭނާ ކުރެހި މަލެކެވެ. ތަފާތެއް ވެސް ނެތެވެ. ވަރަށް ރީއްޗެވެ. ސާޖިދު އެ މާ، ނިޔަމްއަށް ގެނެސްދިނީ، މަލެއް ކުރަހާ ހިތުން މަލެއް ގެނެސްދޭން ނިޔަމް ބުނުމުންކަން މުނިޔާއަށް އެނގުނީ، ދެންމެ ނިޔަމް އެ ވާހަކަ ބުނީމައެވެ. މަލުގެ ވާހަކަ ފެށިގެން އެ އުޅެނީ، އެހައި ހިސާބުންނެވެ.

މެންދަމުގެ ވަގުތެވެ. ގޭތެރެއަށް ވަނީ، ހަމަހިމޭން ކަމުގެ އޮއިވަރެއް ފެތުރިފައެވެ. ވަސީމާއަށް ހޭލެވުނީ މޭޒުމަތީގައި އޮތް ފޯނު އެލާމްވި އަޑަށެވެ. އެއީ ފައިސަލްގެ ފޯނެވެ. ވަސީމާ ތެދުވެ، އެލާމް ނިވާލައިފައި ގަޑިއަށް ބަލައިލިއެވެ. މެންދަމުން އަލިވެ، ދޭއް ޖަހަނީއެވެ. ހިތަށްއެރިއެވެ. އަނެއްކާ ފައިސަލް ރޭ އަޅުކަންކުރާން ފެށީ ބާވައެވެ؟ އޭނާ ގޮސް ފައިސަލަށް ގޮވިއެވެ. ގޮވައިގޮވައި އޭނާއަކަށް ނުހޭލެވުނެވެ.

ވަސީމާ ކޮޓަރިން ނިކުތީ، ފެންފޮދެއް ބޯންވެގެންނެވެ. ސިޓީންރޫމަށް ނިކުތުމާއެކު، އޭނާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ފެނުނު މަންޒަރަކުންނެވެ. އޭނާއަށް ފެނުނީ ކުރު ސޯޓެއްގައި، ހުސްގަޔާ ހުރި ސާޖިދެވެ. ކޮަޓަރިން ނިކުމެގެން އޭނާ ދިޔައީ ނިޔަމްގެ ކޮޓަރިއާ ދިމާއަށެވެ. ވަސީމާއަށް ހުރެވުނީ ވާ ނުވާ ނޭނގިފައެވެ. 

ސާޖިދު ގޮސް މަޑުކޮށްލީ، ނިޔަމްގެ ކޮޓަރީ ދޮރުކައިރީގައެވެ. ކުޑަ އިރުކޮޅަކު އެހެން ހުރެފައި ތަޅުގައި ހިފާލިއެވެ. ނުހަނު ފަސޭހަކަމާއި ފަރިތަކަމާއެކު، ތަޅު އަނބުރާލައި ދޮރު ހުޅުވިއެވެ. އެއާއެކު އަވަސް އަވަހަށް ކޮޓަރިތެރެއަށް ދެމިގެންފިއެވެ. ދެން ފެނުނީ މަޑުމަޑުން ކޮޓަރި ދޮރުލެއްޕި ތަނެވެ. އިވުނީ ތަޅުލި އަޑެވެ.

ވަސީމާއަށް ހުރެވުނީ ފެންނަމުން ދިޔަ މަންޒަރަށް އިތުބާރުނުުކުރެވިފައެވެ. ޔަޤީންކަން ނުދެވިފައެވެ. އިހުސާސްކުރެވެމުން ދިޔައީ ހޭލާ ހުއްޓާ ފެންނަމުން ދިޔަ ހުވަފެނެއް ކަމުގެ އިހުސާސެވެ. ދެ ލޯ ބޮޑުކޮށްގެން އެ ކޮޓަރީ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކިހައި އިރަކު ކަމެއް ވެސް ނޭނގެއެވެ. އެހެން ހުރެހުރެފައި، އެންމެ ފަހުން އޭނާއަށް ހިނގައިގަނެވުނީ ނިޔަމްގެ ކޮޓަރިއާ ދިމާއަށެވެ.

ކޮޓަރީ ދޮރު ކައިރީގައި މަޑުކޮށްލުމާއެކު، ވަސީމާގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ، ނިޔަމްއާއި ސާޖިދުގެ އަޑެވެ. އެ ދެ މީހުން ވާހަކަ ދައްކާއަޑެވެ. އިރުއިރުކޮޅުން ނިޔަމް ހީނލާ އަޑު ވެސް އިވެއެވެ. އެ ކޮޓަރި ތެރޭގައި އުފެދިފައިވަނީ، ލޯތްބާއި ސަމާސާގެ އުފާވެރި މާހައުލެކެވެ.

ވަސީމާގެ ލޭ ހޫނުވާންފެށިއެވެ. އޭނާ ބޭނުންވީ، ވަގުތުން ކޮޓަރީ ދޮރުފަތުގައި ތަޅައިގަންނާށެވެ. ކޮޓަރިއަށް ވަދެ، ސާޖިދުގެ އެއް ކަންފަތުގައި ހިފައި، ގެއިން ބޭރުކޮށްލާށެވެ. އެހެންނަމަވެސް އެ ފަދަ ކަމެއް ކުރާނޭހައި ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ދެ ފަޔަށް ބާރުލާފައި ހިނގައިގަނެވުނީ، އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ފެނުނު މަންޒަރެއްގެ ސަބަބުން ކަރުހިއްކުމުގެ އިހުސާސް ވެސް ކެނޑިއްޖެއެވެ.

ކޮޓަރިއަށް ވަންގޮތަށް ފައިސަލަށް ގޮވާން ވަސީމާ ފެށިއެވެ. ގައިގައި ކޮއްްޓައި، ހަލުވައި، ތަޅުވައި ހެދި އިރު ވެސް ފައިސަލަށް ހޭލެވުނު ކަމަކަށް ނުވިއެވެ. ވަސީމާއަށް ހުރެވުނީ ހަދާނޭގޮތެއް ނޭނގިފައެވެ. ދެ އަތް ދެ އަތާ ފިތަފިތާ ހުރެވުނީ ކިހައި އިރަކު ކަމެއް ވެސް ނޭނގެއެވެ. އެހެން ހުރެފައި އަނެއްކާ ވެސް އޭނާއަށް ހިނގައިގަނެވުނީ ކޮޓަރިން ނިކުންނާށެވެ. އޭނާއަށް ކޮޓަރިން ނިކުމެވުނު އިރު، ނިޔަމްގެ ކޮޓަރިން ނިކުމެގެން ގޮސް މުނިޔާގެ ކޮޓަރިއަށް ސާޖިދު ވަންނަނީއެވެ.

ވަސީމާއަށް އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރާފައި ހުރެވުނެވެ. އޭނާގެ ސިކުނޑީގައި ވަނީ ރުޅިވެރިކަމާއި ނަފުރަތުގެ ދިލަ ހޫނެވެ. އެންމެ ސިކުންތަކު ވެސް، ސާޖިދު މި ގޭގައި ބަހައްޓާކަށް މިހާރު އޭނާ ބޭނުމެއް ނޫނެވެ. އޭނާއަށް ސާޖިދު ސިފަވަނީ، ބޭރުުފުށް މުލަންމާކޮށްގެން، މާ ރަނގަޅު މީހަކަށް ހެދިގެން އައިސް، އޭނާގެ ދެ ދަރިންގެ ލޭ ބޮމުން ގެންދާ ޑްރެކިއުލާއެއްގެ ގޮތުގައެވެ. ބިރުވެރި ނުރައްކާތެރި ޖަނަވާރެއްގެ ސިފައިގައެވެ.

ހިތަށްވެރިވަމުން ދިޔަ އެއްޗެހިތައް ގުނަވަމުން، ގިނަވަމުން ގޮސް، ވަސީމާގެ ހިތް ފަޅައިގެންދާ ވަރުވެއްޖެއެވެ.  މުނިޔާ ކަހަލަ ހެޔޮލަފާ، މަޢުޞޫމު ކުއްޖެއްގެ ގާތުގައި، އެ ފަދަ މުޑުދާރު މީހަކު އޮންނާކަށް ވަސީމާ އެއްގޮތަކަށް ވެސް ނޭދެއެވެ. އެހެންނަމަވެސް މެންދަމުގެ އަރާމް ނިދިން އެ ކުއްޖާ މަޙުރޫމުކުރާކަށް ވެސް އޭނާގެ ހިތެއް ނޭދެއެވެ. އޭނާ ކެތްތެރިވެލިއެވެ. ދެ ލޮލުން ކަރުނަ ފޮހެލަމުން އެނބުރި ގޮސް ކޮޓަރިއަށް ވަނެވެ. ދޮރުލައްޕާ ތަޅުލި އަޑަށް ފައިސަލް ލޯ ހުޅުވާލިއެވެ.

“ވަސީމާ!” ވަސީމާ ރޯހެން ހީވެގެން، ފައިސަލަށް ގޮވައިލެވުނެވެ.

ވަސީމާ އަނގައަކުން ނުބުނެއެވެ. އެ ދިޔަ ގޮތަށް ގޮސް ވަނީ ފާޚާނާއަށެވެ. އޭނާ ބޭނުންވަނީ ރޮއިލާށެވެ. ހިތް ފުރޭންދެން ރޮއިލާށެވެ. ހިތުގެ ކެކުޅުންތައް ކަރުނައާ ހަވާލުކޮށް، ނެރެ ބޭރުކޮށްލާށެވެ.

ފައިސަލް ތެދުވިއެވެ. އޭނާ އިނީ، ސުވާލުން ފުރިފައެވެ. ހިތް ބުނެއެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. ކޮންމެވެސް ގޯހެއް ހިނގައިފިއެވެ. އޭނާގެ ހިތަށް ފުރަތަމަ ވެސް އައީ ރޫޙާނީ މަޚުލޫޤުގެ އިންޒާރުގެ ހަނދާންތަކެވެ. ފައިސަލްގެ ހިތް ބާރަށް ތެޅޭންފެށިއެވެ.

ފަސް ވަރަކަށް މިނެޓް ފަހުން ވަސީމާ ނިކުމެއްޖެއެވެ. އޭނާ ނިކުތީ ނޭފަތް ދަމަމުން ދެ ލޯ ފޮހެމުންނެވެ. އައިސް އެނދުގައި އިށީނީ ފައިސަލަށް ފުރަގަސްދީގެންނެވެ.

“ވަސީމާ! ކިހިނެއްވީ؟” އިރުކޮޅަކު އިނދެފައި ފައިސަލް އަހައިލިއެވެ.

“ވީ ގޮތެއް ބަލާނެކަމެއް ނެތް! އަދިވެސް ނިދޭތޯ ބަލާ!” ފައިސަލްގެ ކަންފަތުގައި ޖެހުނީ، ވަސީމާގެ ނުރުހުމުގެ ޖުމުލައެކެވެ.

“ރުޅި މަޑުކޮށްފަ ދެން ވެސް ވީ ގޮތެއް ބުނެބަލަ! ކޮން ކަމަކާތަ ތި ރޮނީ؟”

“މަގޭ ދެ ދަރިން ރޮލާހިފައި ކަމުންދާއިރު، ފައިސަލަށް ތަނެއްދޮރެއް އެނގޭތަ؟” ވަސީމާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

“ކީކޭ؟” ފައިސަލް އާހަށް އެރިއެވެ. ބޭއިޚުތިޔާރުގައި ފުންމައިގެން ތެދުވެވުނެވެ. “އަނެއްކާ ކިހިނެއް ހެދީ އެ ކުދިންނަށް؟” ފައިސަލަށް އުޅެވުނީ ވަގުތުން ކޮޓަރިން ނުކުންނާށެވެ. އޭނާއަށް ހީކުރެވުނީ ރޫޙާނީ މަޚުލޫޤު އަައިސް، އެ ކުދިންނަށް ގޯނާއެއް ކުރީ ކަމަށެވެ.

“ގޮވާގޮވާ ނުތެދުވެފަ، ވާނެ ހަ އެއްޗެއް ވީމަ، ދެން ކޮންހައި ތެޅުމެއް ތެޅޭކަން. ވީ ގޮތް ކިޔައިދޭންދެން، މަޑުން އިނދެބަލަ!”

“މަޑުން އިނދެވޭތަ؟ ކެތްތެރިކަން ކޮޅުންލައިފިއޭ!” ސާޖިދު ކޮޅަށް ތެދުވީ، މުނިޔާގެ ޖަވާބަކަށް އިންތިޒާރުކޮށްކޮށް ވަރުބަލިވެގެންނެވެ.

“ކޮން ޖަވާބެއް ދިނިއްޔާ އުފާވާނީ؟” ދެ އަތް ފުރަގަހަށް ލައިގެން ހިނިއައިސްފައި މުނިޔާ ހުއްޓެވެ.

“ތި ހެން އަހާއިރު ވެސް އެނގޭނެ! ދެން ދައްކަބަލަ!” ސާޖިދު އުޅުނީ މުނިޔާގެ އަތުގައި އޮތް އެތި އަތުލާށެވެ. އޭނާ ބޭނުންވަނީ މިހާރުން މިހާރަށް ވެސް އެކަން އެނގޭށެވެ.

“މަޑުކުރޭ!” ހިނިތުންވެ ހުރެ އެއް އަތުން މުނިޔާ އިޝާރާތްކުރިއެވެ.

މުނިޔާ މަޑުމަޑުން ސާޖިދުގެ ގާތަށް ޖެހެންފެށިއެވެ. ފޫޓެއްހައި ކައިރިއަށް އައިތަނާ ހީވީ، ދަގަތްފާނުގަނޑަކަށް ދަގަނޑުކޮޅެއް ދަމައިގަތްހެނެވެ. ސާޖިދުގެ ގައިގައި އޭނާ ތަތްވެއްޖެއެވެ. އެއާއެކު ވާތުން ސާޖިދުގެ ގައިގައި ބައްދާލުމަށްފަހު، ކަނާތުގައި އޮތް އެތި ސާޖިދުގެ އަތުގެ ތެރެއަށް ލިއެވެ. އެއަށްފަހު ދެ އަތުން ސާޖިދުގެ ގައިގައި ބައްދައިލައި، ކޮނޑުގައި ބޯ އަޅައިލަމުން ލޯ މަރައިލިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ދުވެލަދުވެލައި ހުރީ ލުއިލުއި ހިނިތުންވުމެކެވެ.

ކެތްތެރިކަން ކޮޅުންލައިފައި ހުރި ސާޖިދަށް އަވަސްއަވަހަށް އެއަށް ބަލައިލެވުނެވެ. ސާފުކޮށް ފެންނާން ހުރި ފިޔާތޮށިކުލައިގެ ދެ ރޮނގާއެކު، ސާޖިދަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ހަޅޭއްލަވައިގަނެވުނެވެ. ވަގުތުން މުނިޔާ އުރައިލެވުނެވެ. އޭނާ ބޭނުންވީ އަޑުގެ ކޮޅަށް ހޭށެވެ. “ވަރަށް ލޯބިވޭ! ވަރަށް ލޯބިވޭ!” މިހެން އެއް ހާސް ފަހަރު މުނިޔާގެ ކަންފަތްދޮށުގައި ބުނާށެވެ. އެ ގޮތަށް  މުނިޔާ އުރާލައިގެން އިރުއޮއްސެންދެން ވެސް ހުންނާށެވެ.

ސާޖިދު އުޅޭންފެށި ގޮތުން މުނިޔާ ގާތަށް ހިނިއައެވެ. އޭނާއަށް އަޑުވީއްލާ ހެވޭންފެށިއެވެ. ހެމުންހެމުން ގޮސް އެންމެފަހުން އޭނާއަށް ރޮވިއްޖެއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ކެތްތެރިކަން ކޮޅުންލީއެވެ.

ސާޖިދު ހިނގައިގަތީ ކޮޓަރީގައި ހުރި ސޯފާއާ ދިމާއަށެވެ. އޭނާ ގޮސް ސޯފާގައި އިށީނދެ، އޭނާގެ އުނގުގައި މުނިޔާ ބޭންދިއެވެ. އެއަށްފަހު މުނިޔާގެ ހިނިތުންވެފައިވާ މޫނަށް ބަލައިލަމުން، ދެ ލޮލުން ފައިބާފައި ހުރި ކަރުނަތިކިތައް ފޮހެލިއެވެ.

“އެންމެ ފުރަތަމަ މި ޚަބަރު ދޭންވާނީ މަންމައަކަށްނު!” ސާޖިދަށް އަދިވެސް ހެވެނީއެވެ.

“މަންމަ ވަރަށް އުފާވާނެ!” މުނިޔާ ބޯ ޖަހައިލަމުން ސާޖިދުގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ކަރުގައި ބޮސްދެމުން ވައިއަޑުން ވަރަށް ލޯބިވެއޭ ބުނެލިއެވެ.

“މަ ވެސް ވަރަށް ލޯބިވޭ!” ނިޔަމް ބަލަހައްޓައިގެން އިނީ، އޭނާގެ ގާތުގައި އިން ވަސީމާގެ މޫނަށެވެ. އެ މޫނުމަތިން ނިޔަމްއަށް ފެންނަނީ މީގެ ކުރިން ނުފެންނަ އަސަރެކެވެ. މުޅިން ތަފާތު ކުލައެކެވެ. “އެކަމަކު ކީއްވެ މަންމަ ތި ސުވާލު ތި ކުރީ؟ ދޮންތަ ދެކެ އަހަރެން ލޯބި ނުވެއޭ ހީކުރަނީތަ؟”

“މަންމައަކަށް ނޭނގެ ބުނާނެ އެއްޗެއް.” ވަސީމާ އިސްދަށަށް ޖެހިއެވެ. ދެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން، ފޮރުވަން މަސައްކަތްކުރަނީ ކަންނޭނގެއެވެ. “ނޭނގެ މި ސުވާލު ކުރެވުނު ސަބަބެއް ވެސް.” ވަސީމާ މަޑުމަޑުން ބޯ ހަލުވައިލިއެވެ. “ދޮންތައަކީ ވަރަށް ރަނގަޅު ކުއްޖެއް! ހުރިހައި މީހުންނަށް ވެސް އެހައިވަރުން އޭނާ އުޅޭނީ. ވަރަށް ލޯބިން ކަންތައް ކޮށްދޭނީ. ނިޔަމް ދެކެ ވެސް ދޮންތަ ވަރަށް ލޯބިވާނެ! ދޮންތަ ދެރަވާ ކަހަލަ ކަމެއް….” ވަސީމާއަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

“މަންމާ! އަޅެ ކިހިނެއްތަ ވީ؟” ނިޔަމް އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުހަދައެވެ.   

ވަސީމާ އިސް އުފުލައި ނިޔަމްގެ މޫނަށް ބަލައިލިއެވެ. ނިޔަމްއަށް ފެނުނީ ވަސީމާގެ ރަތްވެފައިވާ ދެ ލޮލެވެ. ކަރުނައިން ފޯވެފައިވާ ދެ ކޯތާފަތެވެ. އޭނާ ނިޔަމްއާ ދިމާއަށް ކަޅި ހުއްޓާލައިގެން އިނދެ، ހިންދިރުވައިލިއެވެ. އަނެއްކާ ވެސް އެއްޗެއް ބުނެވޭތޯ މަސައްކަތްކުރަނީއެވެ.

“ނިޔަމް!” ވަސީމާ ދެ ލޯ ފޮހެލިއެވެ. “މަންމަ ބުނަން މި އުޅެނީ، ދޮންތަ ދެރަވާ ކަހަލަ އެއްވެސް ކަމެއް ނުކުރާށޭ! ދޮންތަ ރޯތަން ފެނުނީމަ މަންމަގެ ލަނގޮޑިއަށް ވަރަށް ތަދުވާނެ!”

“މަންމާ! އަޅެ ޕްލީޒް! ކިހިނެއްތަ ވީ؟ މީހަކު އެއްޗެކޭ ކީތަ؟”

ނިޔަމްގެ މޫނުމަތިން ވެސް އަދި ބަހާއި އަމަލުން ވެސް ވަސީމާއަށް ފެނުނީ، ހީކުރި ކަހަލަ ކުލަތަކެއް ނޫނެވެ. ކުރަމުން އަންނަ ނުބައި ޢަމަލު ސިއްރުކުރަން، އޮޅުވާލުމަށް މަސައްކަތްކުރި ތަނެވެ. މިކަމުގެ ސަބަބުން ވެސް ސާޖިދާމެދު އޭނާގެ ހިތުގައި އުފެދިފައި އޮތް ރުޅިއާއި ނަފުރަތު ވީ އިތުރެވެ. ނިޔަމްއަކީ އަދި ކުޑަކުއްޖެކެވެ. ސޯޅަ އަހަރު ނުފުރެއެވެ. ހެޔޮނުބައި ވަކިވާ ވަރަށްވުރެ އޭނާގެ ސިކުނޑި ޅަވާނެއެވެ. އެ ފަދަ ކުއްޖެއްގެ ސިކުނޑި، ސާޖިދު އެ ވަނީ ރަނގަޅަށް ހަފާލައިގެން ކައިލައިފައެވެ. އެއޮއް ފަދަ ރަނގަޅު މުނިޔާއާ މި ޖެހުނީ ކޮން ފަދަ ނުލަފާ ހައިވާނަކާ ހެއްޔެވެ؟

ނިޔަމް ސުވާލުކޮށްކޮށް ހުއްޓާ ވަސީމާ އެ ކޮޓަރިން ނުކުމެއްޖެއެވެ. ނިޔަމްއަށް ދޭނެ ޖަވާބު ހިތަށް އައި ނަމަވެސް، ދުލާ ހަމައަށް ގެންނާން ފަސޭހަ ނުވީމައެވެ. ބުނަންޏާ ބުނަން އޮތީ އަލިފާނުގެ ޖުމުލައެކެވެ. މުޅި ގެ، އެކީއެކަށް ރޯވާ ވަރުގެ ހޫނު ގަދަ ޖުމުލައެކެވެ. އޭނާ އެ ވަގުތު ހުރީ އެ ފަދަ އެއްޗެއް ބުނެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެ ކަމާ އޭނާ އަދިވެސް އިތުރަށް ވިސްނާން ބޭނުންވެއެވެ. ނިޔަމްގެ ގާތަށް އޭނާ އެ އައީ އެތައް އިރަކު، އެތައް ގޮތަކަށް ވިސްނާފައެވެ. ރޭ އެ މަންޒަރެއް ފެނުނު ވަގުތުން ފެށިގެން އޭނާ އެ އުޅެނީ ތަނެއްގައި ބުރަކަށި ވެސް ޖައްސާނުލައެވެ.

“މިއަދު ވެސް މަސައްކަތު ނުދަނީ؟” ވަސީމާ ގޮސް ކޮޓަރިއަށް ވަންއިރު، ފައިސަލް އެނދުގައި އޮތްތަން ފެނިފައި ވަސީމާ ގަޑިއަށް ބަލަައިލިއެވެ. އޭރު ގަޑިން ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ.

“ބޮލުގަ ރިހޭވަރުން މި އޮތީ.” ފައިސަލްގެ އަޑުގައި ވެސް ހުރީ ވޭނީ ރިހުމެވެ.

“އަހަރެންގެ ބޮލުގައި ވެސް ރިއްސާ!” ވަސީމާ ގޮސް ފައިސަލްގެ މަގަތުގައި އިށީނދެ، ދަތްދޮޅީގައި އަތްވިދެލަމުން، ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. “މިނިކާވަގަކަށް ކިތަންމެ މީރުކޮށް ކާންދީގެން ބެލެހެއްޓިޔަސް، މިނިމަސް ނުކައެއް ނުހުންނާނެ.” ވަސީމާ ދެ ލޯ މަރައިލިއެވެ.

“ނިޔަމް ކީކޭ ބުނީ؟” އިރުކޮޅަކު އޮވެފައި ފައިސަލް މަޑުމަޑުން އަހައިލިއެވެ.

“އޭނާގެ ބޮލުތެރޭގައި އޮތީ އެހެން މީހެއްގެ ސިކުނޑިއެއް! އަނގައިގައި އޮތީ އެހެން މީހެއްގެ ދުލެއް!”

“ދެން ކިހިނެއް ހަދާނީ؟”

“މިއަދު ވެސް އެ އެއްޗަކު އޮފީހަށް ދާން ތައްޔާރުވެގެން ސައިބޯން އައިސް އުޅުނު ވައްތަރުން މަގޭ ގާތަށް ހާދަހައި ރުޅިއެއް އައޭ! އެހެން ދުވަސްދުވަހަށްވުރެ މާ ބޮޑަށް މުނިޔާ ދެކެ ލޯބިވާ ކަމަށް ހެދިގެން، އުޅުނު ވައްތަރު ފެނިފައި ހިތަށް އެރި، ބޯން އިން ހޫނު ސައިތަށި މޫނަށް ޖަހައިފާނެމޭ! ފައިސަލް ބުނި ބުނުމަށް އިހުތިރާމް ނުކުރެވުނު ނަމަ، މިއަދު މަގޭ ކެތްތެރިކަން ކޮޅުންލީސް!”

“އާނ! ކިތަންމެ ރުޅި އަޔަސް، އަތް ހިމޭނުން ލައިގެން އުޅޭތި! ތި ކަމުގައި ބުނާ ބަހެއް ވެސް ބުނަންވާނީ، ވަރަށް ވިސްނާފަ!”

“މި ކަން އެނގުނީމަ މުނިޔާ ފަކީރަށް ވާނެ ގޮތް ހިތަށް އަރާފަ، ހިތް ފަޅައިގެން ދާހައި ވޭ!” ވަސީމާ ހިންދިރުވައިލިއެވެ. “ފައިސަލް ކިޔާބަލަ ކޮންމެވެސް އެއްޗެކޭ! މި ރޭ އިރުއޮއްސުމުގެ ކުރިން އެ ޖައްބާރު މީހާގަނޑު މި ގެއިން ބޭރުކުރަންޖެހޭނެ! މަގޭ ދެ ދަރިން ސަމާމަތްކުރަން މަ ބޭނުން!”

“މަ ވެސް މި ވިސްނަނީ ތި ކަމާ.

ދެ މަފިރިން އެއް ގަލުގައި ތިބެ، އެކި ގޮތްގޮތަށް މި މައްސަލައިގައި މަޝްވަރާކުރިއެވެ. ދެ މީހުންނަށް ވެސް އެއްބަސްވެވުނީ، ކޮންމެ ގޮތެއް ވިޔަސް، މުނިޔާއަށް މި ކަން އަންގާށެވެ. އޭނާއަށް މި ކަން ސިއްރުކޮށްފައި ނުބޭއްވުމަށެވެ. އެއަށްފަހު މުނިޔާގެ ވެސް ރުހުމާއެކު ސާޖިދު ގެއިން ފޮނުވާލުމަށެވެ. މި ވަރުގެ ނުބައި އަމަލެއް ހިންގީމާ، ކިތަންމެ ލޯބި ވިޔަސް، ގޭގައި ނުބެހެއްޓޭނޭ ކަމަށް މުނިޔާ ވެސް ގަބޫލުކުރާނެއެވެ. ފުރަތަމަ ދެ ތިން ދުވަހަކު ވަރަށް ރޯނެއެވެ. އެެހެންނަމަވެސް ވަގުތުގެ ދީލަތި އެހީތެރިކަމާއެކު، އެ ޒަޚަމްތަކަށް ޝިފާ ލިބޭނެއެވެ. އަމާން މުސްތަޤުބަލަކަށް އަލިވިލޭނެއެވެ.

މުނިޔާ އޮތީ ފޯނެއްގައެވެ. ސާޖިދުގެ ފޯނެއްގައެވެ. ސާޖިދު އޮފީހުގައި އުޅެމުން މުނިޔާއަށް ގުޅައިލީއެވެ. އެ ދެ މީހުންގެ މައިގަނޑު ވާހަކައަކީ، އެ މީހުންނަށް ލިބުނު އުފާވެރި ޚަބަރު މަންމައާއި ބައްޕައަށް ދޭނެ ގޮތެކެވެ. މާ ލަސްކުރާކަށް މުނިޔާ ބޭނުމެއް ނުވެއެވެ. ސާޖިދު ބޭނުންވަނީ އޭނާ އޮފީސް ނިންމާފައި ގެއަށް އައިސް، އޭނާ ވެސް ހުރެގެން އެ ވާހަކަ ބުނާށެވެ. އެ އުފާވެރި ޚަބަރާއެކު، ގެއަށް ވެރިވާ މާމުއީގެ އަސަރު ދެކޭހިތް ވާތީއެވެ.

މި ވާހަކައިގައި ދެމަފިރިން ތިއްބާ، އިވުނީ ކޮޓަރީ ދޮރުފަތުގައި ޓަކިޖަހައިލި އަޑެވެ. ޓަކި ޖަހާލި ގޮތުން އެއީ ކާކުކަން މުނިޔާއަށް އެނގުނެވެ.

“މަންމަ އެބަ ޓަކިޖަހާ. އިރުކޮޅަކުން މި ގުޅަނީ އިނގޭ!”

“އޯކޭ! ވަރަށް ލޯބިވޭ އިނގޭ!”

ސާޖިދު ފޯނު ބޭއްވުމުން މުނިޔާ އެނދުން ތެދުވެގެން ހިނގައިގަތީ ކޮޓަރީ ދޮރު ހުޅުވާށެވެ.

މުނިޔާ ގޮސް ކޮޓަރީ ދޮރުހުޅުވިއިރު، ދޮރުމަތީގައި ހުރީ ނިޔަމްއެވެ.

“ސާބަސް! ޓަކިޖަހާލިގޮތުން ދޮންތަ ހީކުރީ މަންމަ ކަމަށް.” ނިޔަމް ފެނުމުން މުނިޔާ ގާތަށް އައީ ހިންޏެވެ. އޭނާއަށް މިއަދު ލިބިފައިވާ އުފާވެރިކަން ރަމްޒުކޮށްދޭ ފަދަ ހިތްފަސޭހަ ހިނިތުންވުމެކެވެ. ނިޔަމްގެ މޫނުމަތީން ފެންނާން ހުރި ކަންބޮޑުވުމުގެ ކުލަވަރު މުނިޔާއަކަށް ފާހަގައެއް ނުކުރެވުނެވެ.

“ބިޒީތަ؟” ކޮޓަރިއަށް ވަންނަމުން ނިޔަމް އަހައިލިއެވެ.

“ނޫން! ދޮންތަބެއަށް ގުޅައިގެން ހަމަ އޮތީ. މަންމަ އެބަ ޓަކިޖަހައޭ ކިޔާފަ ފޯނު މި ބޭއްވީ.” ނިޔަމްގެ މޫނުމަތީގައި ލިޔެފައި ހުރި ނުތަނަވަސްކަމުގެ ފޮޅުވަތްތައް، ތަރުޖަމާކުރާކަށް މުނިޔާއަކަށް ނޭނގުނެވެ. އޭނާ ހިނިއައިސްފައި ހުރެ ގޮސް، އެނދުގައި ޖައްސާލިއެވެ.

“ދޮންތަ ގާތު މަންމަ އެއްވެސް އެއްޗެކޭ ކީތަ؟” ޑްރެސިންޓޭބަލް ކައިރީގައި ނިޔަމް މަޑުކުރިއެވެ.

“ކޮން އިރަކު؟”

“މިއަދު.”

ނިޔަމްގެ އަޑު އައި ގޮތުން، ނިޔަމްގެ މޫނަށް، ފަރުވާތެރި ނަޒަރަކުން މުނިޔާ ބަލައިލިއެވެ. އެ މޫނުމަތިން އޭނާއަށް ފެނުނީ ވަރަށް ތަފާތު ކުލައެކެވެ. މުނިޔާ ހިމޭންވިއެވެ.

“ކިހިނެއް ވެފަ ތިހިރީ؟ އައިސްބަލަ މިތާ އިށީންނަން!”

ނިޔަމް މަޑުމަޑުން ހިނގާލައިފައި އައިސް، މުނިޔާއާ ޖެހިގެން ކަހަލަ ގޮތަކަށް އިށީނެވެ.

“ހޫނ! ދެން ކިޔާބަލަ!” ނިޔަމްގެ އަތްތިލައިގައި މުނިޔާ ހިފައިލިއެވެ.

“އެހެންވިއްޔާ ދޮންތަ އެއްވެސް ވާހަކައެއް މަންމަ ގާތު ބުނިންތަ؟”

“ނުބުނަން! ކިހިނެއްވީ؟”

“މިއަދު ހެނދުނު ހެނދުނާ އައިސް، ފާޑެއްގެ ވާހަކަތަކެއް މަގޭގާތު މަންމަ ދައްކައިފި. އެހެންވެ މި އަހައިލީ. މަ ހީކުރީ ދޮންތަ އެއްޗެކޭ ކީ ކަމަށް.”

“ކީކޭ މަންމަ ކީ؟”

މުނިޔާގެ ކޮޓަރީ ދޮރު ހުޅުވުނީ އެ ވަގުތުއެވެ. ދެ ބޭންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. ދޮރުމަތީގައި ހުރީ ވަސީމާއެވެ. އޭނާގެ މޫނުމަތިން ފާޅުވާން ހުރީ، ބުނެދޭން ނޭނގޭ ކަހަލަ ތަފާތު ކުލަވަރެކެވެ. ނިޔަމްއާއި މުނިޔާ ކޮޓަރީގައި ތިބިތަން ފެނިފައި، އެ މޫނުމައްޗަށް ވެރިވީ އުފާވެރިކަމެއް ނޫނެވެ. ނުރުހުމުގެ ކުލަވަރުހެން ވެސް ހީވިއެވެ. ކަންބޮޑުވުމާއި ހިތާމައިގެ ކުލަޖެހުނުހެން ވެސް ހީވިއެވެ.

“މަންމާ!” މުނިޔާ މަޑުމަޑުން ތެދުވިއެވެ.

“ކީއްކުރަނީ؟”

“ހަމަ ތިބީ. ދޯ ކޮއްކޯ!”

“ނިޔަމް ގޮސްބަލަ ބޭރަށް!” ނިޔަމްއާ ދިމާއަށް ބަލައި ވެސް ނުލައި، މިހެން ބުނަމުން ވަސީމާ ކޮޓަރިއަށް ވަނެވެ.

ނިޔަމް އެއްވެސް އެއްޗެއް ނުބުނެއެވެ. ކިޔަމަންތެރިކަމާއެކު ތެދުވެގެން ހިނގައިގެންފިއެވެ. އޭނާ ކޮޓަރިން ނިކުންނާންދެން، އެ ހުރި ފިޔަވަޅުމަތީގައި ވަސީމާ ހުއްޓެވެ.

ނިޔަމް ނިކުތުމުން، ކޮޓަރީ ދޮރުލެއްޕުމަށްފަހު ތަޅުލާފައި، ވަސީމާ ގޮސް ސޯފާގައި އިށީނެވެ. އޭނާގެ އިޝާރާތަށް މުނިޔާ ވެސް ގޮސް ސޯފާގައި އިށީނުމުން، މުނިޔާގެ އަތުގައި ހިފައިލުމަށްފަހު، މުނިޔާގެ މޫނަށް ވަސީމާ ބަލައިލިއެވެ.

“ދަރިފުޅާ!”

ވަސީމާއާ ދިމާއަށް މުނިޔާއަށް ބަލައިލެވުނީ، ހައިރާންކަމާއެކުގައެވެ. އޭނާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. މި ވީހައި ތަނަށް ދުވަހަކު ވެސް، ވަސީމާގެ ދުލުން ދަރިފުޅާއޭ ކިޔާފައި ގޮވާލި އަޑެއް އޭނާއަށް އިވިފައެއް ނެތެވެ.

“ކީކޭ މަންމާ!” މުނިޔާއަށް އިހުސާސްކުރެވުނީ ވަރަށް ގާތްގޮތެކެވެ. އާދަޔާ ޚިލާފަށް އޭނާދެކެ މަންމަ ލޯބިވާންފެށި ކަމުގެ އިހުސާސެކެވެ.

“ދަރިފުޅު ތި އުޅެނީ މިއަދު އެއްޗެއް ކައިގެންތަ؟”

ވަސީމާގެ އަޑުގައި ރިހުމެއް ހުރިކަން މުނިޔާއަށް ފާހަގަކުރެވުނެވެ. އެތައް ވާހަކައެއް ބުނާން ބޭނުންވެގެން އުޅޭކަން އެނގުނެވެ.

“ކިހިނެއްވީ މަންމާ!” މުނިޔާގެ ނަޒަރު ހުއްޓިފައި ހުރީ ވަސީމާގެ މޫނަށެވެ. އޭރު އޭނާގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވެފައެވެ.

ވަސީމާ އިސް އޮބައިލިއެވެ. މުނިޔާގެ އަތަށް މަޑުމަޑުން ފިތާލިއެވެ.

“މަންމަ ތި އުޅެނީ ވާހަކައެއް ދައްކާކަށްނު! ބުނޭ މަންމާ!”

“ދަރިން ދެކެ މައިންބަފައިން އަބަދުވެސް ވަރަށް ލޯބިވާނެ! އެއްވެސް މަންމައަކު ދަރިއަކަށް ދެރަގޮތެއް ވާކަށް ނޭދޭނެ! ދެރަގޮތެއް ވާތަން ދެކޭކަށް ވެސް ބޭނުމެއް ނުވާނެ!”

“މަންމާ!” މުނިޔާގެ ހިތް ތެޅޭންފެށިއެވެ. “ކިހިނެއްވީ މަންމާ!”

“ވަރަށް…. ވަރަށް ދެރަ ގޮތެއް ވެއްޖެ!” ވަސީމާގެ އަޑު ތުރުތުރު އަޅައިގަތެވެ. އެ އަޑުގައި ހުރި ރިހުމުގައި އިތުރަށް ވޭންއަޅަން ފެށިއެވެ.

“ކިހިނެއްވީ މަންމާ؟” މުނިޔާގެ ވީއްލިފައި އޮތް އަތުން، ވަސީމާގެ އަތުގައި ބާރަށް ހިފެހެއްޓުނެވެ.

“ދަރިފުޅު ގާތު މި ވާހަކަ ބުނާނެ ގޮތެއް މަންމައަކަށް ނުވިސްނޭ!” މުނިޔާއާ ދިމާއަށް ވަސީމާ ބަލައިލިއެވެ. އޭރު ވަސީމާގެ ދެ ލޮލުން ކަރުނަ ހިލެމުން އާދެއެވެ. “އެކަމަކު މި ވާހަކަ ދަރިފުޅު ގާތު ނުބުނެއެއް ވެސް ނުވާނެ!”

“އަޅެ މަންމާ! ކިހިނެއްތަ ވީ؟ އާއިލާގެ މީހަކަށް ކަމެއް ވީތަ؟”

“ދަރިފުޅާ! ކޮންމެ ދުވަހެއްގެ އިރު ދުނިޔެއަށް ފާޅުވާނީ އިންސާނުން ހެއްވަމަކުން ނޫން! ބައެއް ދުވަަސްދުވަހު ރޯން ވެސް ޖައްސާނެ! އެކަމަކު އިންސާނުންނަށް ﷲ ދެއްވި އެންމެ ބޮޑު އެއް ނިޢުމަތަކީ ކެތްތެރިކަން. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން އެކި ގޮތްގޮތަށް އިމްތިޙާނު ކުރައްވާނެ! އެ ފަދަ ކޮންމެ ހާލަތެއްގައި ވެސް ކެތްތެރިކަމުގެ ނިޢުމަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭތޯ ބަލަންވާނެ!”

“މަންމާ! އަޅެ ޕްލީޒް! އަހަރެން ބިރު ނުގަންނުވަބަލަ! ކިހިނެއްތަ ވީ މަންމާ!” މުނިޔާގެ މޫނުމަތީގައި ހުރި އުފާވެރިކަން މުޅިން ނެތިގޮސް، ހާސްކަމާއި ކަންބޮޑުވުމުގެ އަލާމާތްތައް އެ މޫނު ހިިޞާރުކޮށްފިއެވެ.

“ދަރިފުޅަށް އެނގޭތަ؟ ކަނޑުއަޑީގެ ޙަޤީޤަތް އެނގުނަސް، އިންސާނުންގެ ޙަޤީޤަތެއް ނޭނގޭނެ.” ވަސީމާގެ އަޑު ތުރުތުރުއަޅާން ފެށިއެވެ.

“މަންމާ! ކާކުގެ ވާހަކައެެއް ތި ދައްކަނީ؟ ކާކު ކީއްކޮށްގެންތަ ތި އުޅެނީ؟”

“މަންމަ ބުނަން މި އުޅެނީ ވަރަށް ހިތްދަތި ވޭން ގަދަ ވާހަކައެެއް! މި ވާހަކަ އަޑުއަހާފަ ދަރިފުޅު ވާނެ ކެތްތެރި ކުއްޖަކަށް ވާން!”

“ކިތަންމެ ހިތްދަތި ވާހަކައެއްކަމަށް ވިޔަސް، އަހަރެން އަޑުއަހާނަން! މަންމާ! އަހަރެން ކެތްތެރިވާނަން! ބުނޭ މަންމާ!” މުނިޔާގެ ދެ ލޯ ކަރުނައިން ތެމޭން ފަށައިފިއެވެ.

ވަސީމާ ހިންދިރުވައިލިއެވެ. މުނިޔާގެ އަތުގައި ހިފައި ފިތާލިއެވެ. ދެ ލޮލުން ކަރުނަ ފޮހެލިއެވެ. އެއަށްފަހު ވަރަށް ހިތްވަރުކޮށްފައި، ރޭ އޭނާއަށް ފެނުނު، ގަބޫލުކުރަން ދަތި މަންޒަރުގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. ދެ ލޮލުން ކަރުނަ ފޮހެމުންނެވެ. މުނިޔާ އިނީ އަޑުއަހާށެވެ. ނިޔަމްގެ ކޮޓަރިއަށް ސާޖިދު ވަން ވާހަކައާއި ނިޔަމްއާއި ސާޖިދު ކޮޓަރީގައި ވާހަކަދައްކައި ހީނ ސަމާސާކުރާ އަޑު އިވުނު ވާހަކަ ބުނުމާ އެކު މުނިޔާއަށް ރޮއިގަނެވުނެވެ.

“ނޫން! މަންމާ! ނޫން! ތި ހެނެއް ނުވާނެ! މަންމަ ތި ހަދަނީ ދޮގު! ތީ ދޮގެއް!” ވަސީމާގެ އަތުގައި ދެ އަތުން ހިފަހައްޓައިގެން އިނދެ، ވަސީމާގެ މޫނަށް އޭނާ ނަޒަރުހުއްޓާލިއެވެ. “މަންމާ! ބުނޭ ތީީ ދޮގެކޭ! ބުނޭ މަންމާ! ތީ ދޮގެކޭ ބުނޭ! ސާޖީއަކީ އެކަހަލަ މީހެއް ނޫން! މަންމަ ކީއްވެ އަހަރެން ގާތު ތި ކަހަލަ ދޮގު ވާހަކަ ތި ދައްކަނީ؟”

“މީ ދޮގެއް ނޫން ދަރިފުޅާ! ﷲ ގަންދީ މަންމަ ބުނާ ތެދެއް!”

މުނިޔާ ރޮއިގަންނަމުން ވަސީމާގެ ގައިގައި އޮޅުލައިގަތެވެ. ވަސީމާގެ ކޮޮނޑުގައި ބޯ ޖަހައިގެން އޮވެ، ގިސްލަގިސްލާފައި ރޯންފެށިއެވެ.

“ދަރިފުޅާ! ކެތްތެރިވޭ!” މުނިޔާގެ ގައިގައި ވަސީމާ ބައްދާލިއެވެ. އޭނާ ބޭނުންވަނީ މުނިޔާއަށް ވިސްނައިދޭށެވެ. ހިތްވަރުދޭށެވެ. އެހެންނަމަވެސް އެ ފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އޭނާއަށް ވެސް ރޮވެނީއެވެ. މުނިޔާގެ ހިތަށް ލިބޭ އަނިޔާ ފެނިފައި، އެ ތަނުގައި އިންނާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. މުނިޔާ ގައިން ވަކިކޮށްލުމަށްފަހު، އޭނާ ތެދުވެގެން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ރޮމުން ކަރުނަ ފޮހެމުންނެވެ. މުނިޔާ ތެދުވެގެން ގޮސް، އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީހުގައި މޫނުޖަހައިގެން އޮވެ، ގިސްލަގިސްލާފައި ރޮމުން ގެންދިޔައެވެ.

ވަސީމާ ކޮޓަރިން ނިކުތްއިރު، ނިޔަމް ހުރީ އޭނާގެ ކޮޓަރީ ދޮރުމަތީގައެވެ. ކޮޓަރީގައި ހުއްޓާ، މުނިޔާ ރޮއިގަތްއަޑު އިވިފައި ނިކުތީއެވެ. އެ ވަގުތު އޭނާއަށް ފެނުނީ، ވަސީމާ ރޮމުންރޮމުން ނިކުމެގެން ދިޔަ މަންޒަރެވެ.

އިރުކޮޅަކު އެހެން ހުރެފައި ނިޔަމް ކޮޓަރިއަށް ވަނެވެ. ބޮލަށް ތަދުވާން ފެށުމުންނެވެ.

ވަސީމާ ގޮސް ކޮޓަރިއަށް ވަންއިރު، ފައިސަލްގެ ލޮލުން ވެސް ކަރުނަ އޮހެމުންދެއެވެ. މުނިޔާ ރޮއިގަތް އަޑާއެކު އޭނާގެ ހިތް ކުދިކުދިވިއެވެ. އޭނާގެ ދެ ދަރީންނަކީ އޭނާ ވަރަށް ލޯބިން ގެންގުޅުނު ދެ ދަރިންނެވެ. އެއިން ކުއްޖަކު ރޯއަޑު ކީއްކުރަން ހެއްޔެވެ؟ ދެރަވެފައ ހުންނަ މަންޒަރު ދުށުމަކީ ވެސް އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ރެއާއި ދުވާލު އޭނާ ދާ އޮހޮރުވައިގެން، ބުރަ މަސައްކަތަކުރީ، އެ ކުދިން އުފަލުގައި ގެންގުޅުމަށެވެ. މުނިޔާ ބޮޑުވެގެން، މީހަކާ އިނީ އުފާވެރި ދުވަސްތަކަކަށް ފަހުގައެވެ. ހަޔާތެއް ފަށައިގެން އައިސް، ވަކި ހިސާބަކުން، މި ކަހަލަ ދެރަ ގޮތްތައް ދިމާވުމުން، އެ ކުދިން ކުރާނެ ހިތާމައާއި އުފުލާނެ ވޭން އިހުސާސްވުމުން، ފައިސަލްގެ ހިތް އެ ވަނީ ފުނޑުފުނޑުވެފައެވެ.

މުނިޔާ އެތައް އިރަކު ރޯންއޮތެވެ. އޭނާ އެ ގޮތަށް ރޯން އޮއްވާ، ތިންހަތަރު ފަހަރު ސާޖިދު ގުޅައިފިއެވެ. ގުޅާކަން އެނގެއެވެ. އެހެންނަމަވެސް ނަގާހައި ހިތްވަރެއް ނުލިބުނެވެ. އޭނާ ވިސްނަމުން ދިޔައީ މަންމަ އައިސް ދެއްކި ވާހަކަތަކާ މެދުގައެވެ. އޭނާއަށް ކަށަވަރުވަނީ، ދޮގުހަދައިގެން، އެ ފަދަ ވާހަކަތަކެއް މަންމަ ނުދައްކާނޭކަމެވެ. ނުފެންނަނީސް ފެނުނޭ ކިޔައިގެން ނުބުނާނޭކަމެވެ.

ސާޖިދާއި ނިޔަމްގެ ފުށުން މީގެ ކުރިން ފެނިފައި ހުރި ކަންކަން އޭނާގެ ހިތުގައި އަނެއްކާ ވެސް އާވާން ފެށިއެވެ. އެ ދެ މީހުންގެ މެދުގައި ގުޅުމެއް އޮތްކަމަށް ކުރިން ވެސް އޭނާއަށް ވަނީ ޝައްކުވެފައެވެ. އެހެންނަމަވެސް އެއީ ކުރެވުނު ކުށް ހީއެއް ކަމަށް ނިންމައިގެން ހުއްޓާ، އެންމެ ފަހުން މިއަދު މި ވަނީ އެކަން ޔަގީން ކުރެވިފައެވެ. ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއް ދުވަހެވެ.

މުނިޔާގެ ސިކުނޑިގައި ރުޅިވެރިކަމުގެ އޮއިވަރެއް ހިނގައިގަތެވެ. އޭނާ އެނދުން ތެދުވެ، ދެ ލޯ ފޮހެލިއެވެ. މަޑުމަޑުން ހިނގައިގަތީ ޑްރެސިންޓޭބަލާ ދިމާއަށެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި، މޫނަށް ބަލައިލިއެވެ. ފެނުނީ ރަތްވެފައިވާ ދެ ލޮލެވެ. ކަރުނައިން ފޯވެފައިވާ ދެ ކޯތާފަތެވެ. ހިތާމައާއި ހިތްދަތިކަމުގެ ކަފުންލެވިފައިވާ އެ މޫނުމަތީން، ރުޅިއާއި ނަފުރަތުގެ ކަނިތައް ފެންނާންފެށިއެވެ.

އަމިއްލަ މޫނަށް ބަލާން އިރުކޮޅަކު ހުރެފައި، އޭނާ ހިނގައިގެންފިއެވެ. ކޮޓަރިން ނިކުންނާށެވެ. ކޮޓަރިން ނިކުމެ، ދުރުދުރުގައި ފިޔަވަޅު އަޅަމުން، އޭނާ ހިނގައިގަތީ ނިޔަމްގެ ކޮޓަރިއާ ދިމާއަށެވެ. އެ ދިޔަގޮތަށް ގޮސް ތަޅުގައި ހިފައި އަނބުރައިލިއެވެ. ދޮރު ހުޅުވާލި އިރު، ނިޔަމް އެނދުމަތީގައި އޮތެވެ. ވަރަށް ހަމަޖެހިލައިގެން ދެ ފައި ތަޅުވާލަ ތަޅުވާލައެވެ. ގޭތެރޭގައި ބޮޑު ބޮމެއް ގޮވައިގެން އުޅޭއިރު، އެ ފަދަ ކަމެއް އޭނާގެ ކިބައަކުން ނުފެނެއެވެ.

“ކޮއްކޯ!” ކޮޓަރިތެރޭގައި މުނިޔާގެ އަޑު ގުގުމާލިއެވެ. އެ އަޑުގައި ރުޅިވެރިކަމާއި ނުރުހުން އިންތިހާއަށް ހުއްޓެވެ.

“ކޮންހައި ހަޅޭކެއް ތި ލަވަނީ؟” ނިޔަމް އޮތީ ވަރަށް ހަމަޖެހިފައެވެ. ކަންބޮޑުވުމެއް ހާސްކަމެއް ނެތެވެ.

“ކަލޭގެ ލަދުހަޔާތް ތިހައި ކުޑަވީ ކޮން އިރަކު؟” މުނިޔާ ގޮސް ނިޔަމް ގާތަށް ހުއްޓުނެވެ. އޭރު މުނިޔާގެ ހަށިގަނޑު ތުރުތުރުއަޅައެވެ.

“ފުރަތަމަ ތަންކޮޅެއް މަތިރިވާންވީނު!” ނިޔަމްގެ ތުންފަތީން ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ.

“އެނގޭތަ ތި ކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން؟” މުނިޔާގެ ދެ ލޯ ހުރީ ބޮޑުވެ ނޭވާ ކުރުވެފައެވެ.

“އާނ! އެނގޭ! ކޮބާ މައްސަލައަކީ؟” ނިޔަމްގެ މޫނުމަތީން ފެނުނީ މަލާމާތުގެ ކުލަވަރެވެ.

“މައްސަލައަކީ ކޮބައިހޭ؟” މުނިޔާގެ އަޑު ބާރުވިއެވެ. “މީ ކަލޭގެ ދޮންތައޭ. އެއީ މަގޭ ފިރިމީހާއޭ! ލަދެއް ވެސް ނުގަނޭތަ؟”

“ކޮން ލަދެއް؟ ދޮންތަބެ ބުނީ އޯކޭވާނޭ.”

“އޯކޭ ވާނެއޭ؟”

“އާނ! ދޮންތަ ވެސް، ދޮންތަބެ ދެކެ ވަނީ ލޯތްބެއްނު. އަހަރެން ވެސް، އޭނަ ދެކެ ވަރަށް ލޯބިވޭ!”

“ނިޔަމް!” މުނިޔާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. ބާރަށް ރޮއިގަނެވުނެވެ. އެއާއެކު އަތް ދަމާލައިފައި، ނިޔަމްގެ މޫނުމަތީގައި ބޮނޑިއެއް އެޅުނެވެ.

ވީ ތަދާއެކު ނިޔަމް ފުންމައިގެން ތެދުވިއެވެ. އޭރު އޭނާގެ މޫނު ވަނީ ރަތްވެފައެވެ. ރުޅިވެރިކަމުން ފޯވެފައެވެ. އޭނާ ވަގުތުން މުނިޔާއާ ދިމާއަށް ފުންމައިގަތެވެ.

“ކަލެއަކަށް ނުޖެހޭނެ ތި ގޮތަށް މަގޭ ގަޔަށް ބޮލަށް އަރާކަށް!” ނިޔަމްގެ ދެ ދަތްޕިލަ ޖެހި ބާރުވިއެވެ.

މާ އަޑު ގަދަވެގެން، ފައިސަލާއި ވަސީމާ ދުވެފައި އައިސް، އެ ކޮޓަރިއަށް ވަނެވެ. އެ ވަގުތު އެ ކޮޓަރިތެރެއިންެ ފެނުނީ ހީ ވެސް ނުކުރާ ކަހަލަ މަންޒަރެކެވެ. މުނިޔާ އޮތީ އެނދުމައްޗަށް އުއްޑުން ވައްޓާލައިފައެވެ. ނިޔަމް އިނީ މުނިޔާގެ ގައިމަތީގައެވެ. އެއް އަތުން މުނިޔާގެ ކަރުގައި ހިފައިގެންނެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ، އަނެއް އަތުން މުނިޔާގެ ގައިގައި ތަޅައިގަންނާށެވެ. ރުޅިއައިސްފައިވާލެއް ބޮޑުކަމުން، އޭނާގެ ހަށިގަނޑު ތުރުތުރުއަޅައެވެ.

މި ބިރުވެރި މަންޒަރު ފެނިފައި، ވަސީމާއަށް ކުރި އަސަރެއްގެ ބޮޑުކަމުން، ދަރިފުޅުމެންނޭ ކިޔައި ރޮއިގަނެވުނެވެ. ފައިސަލް ވަގުތުން އެ ދެބޭންނާ ދިމާއަށް ދުއްވައިގަތެވެ.

“އޭތް! ނިޔަމް! ކިހިނެއް ވެގެން ތި އުޅެނީ؟” ފައިސަލް ގޮސް ވަގުތުން ނިޔަމްގެ އަތުގައި ހިފެހެއްޓިއެވެ. “ހަމަ މިހާރު ދޫކުރޭ! ދޮންތަގެ ގައިގައި ޖަހައިގެން ނުވާނެ!”

“ނުކުރާނަން ދުލެއް! ޖަހަން ވެސް ޖަހާނަން! އޭނައަކަށް ނުޖެހޭނެ މަގޭ ގައިގައި ޖަހާކަށް!”

ފައިސަލްގެ އަތް ނިޔަމް ފޮޅުވައިލިއެވެ. އެ އަތުގައި އާދަޔާ ޚިލާފު ބާރެއް ކުރިކަން ފައިސަލަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އަނެއްކާވެސް އެ އަތުގައި ހިފަހައްޓަން އޭނާ މަސައްކަތްކުރިއެވެ. އެއަށްވުރެ ކުރިން މުނިޔާގެ މޫނުމަތީގައި ނިޔަމް ޖެހިއެވެ. މުނިޔާގެ މޫނުމައްޗަށް އަނދިރިވިއެވެ. ވީ ތަދާއެކު އޭނާއަށް ބާރަށް ރޮއިގަނެވުނެވެ.

މި ހިތްދަތި މަންޒަރު ފެނިފައި، ވަސީމާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާއަށް އެ ދިމާއަށް ދުއްވައިގަނެވުނެވެ. އެ ދިޔަގޮތަށް ގޮސް ނިޔަމްގެ އަތުގައި ހިފައި ދަމައިގަތެވެ. އެ ވަގުތު އެނދުމަތިން ނައްޓާލައިގެން އައިސް ތަޅުންގަނޑު މައްޗަށް ނިޔަމް ޖެހުނެވެ. ބަނޑުވަތަށް ކަހަލަ ގޮތަކަށެވެ. އެއާއެކު ނިޔަމް ބާރަށް ރޯންފެށިއެވެ.

ލިބުނު ފުރުސަތުގައި މުނިޔާ އަވަސްއަވަހަށް އެނދުމަތިން ތެދުވިއެވެ. ރޮމުންރޮމުން އޭނާ ދުއްވައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ފައިސަލާއި ވަސީމާއަށް ވެސް އަޑުން އަޑުނަގައި ރޯންފެށުނެވެ. މުޅި ގޭތެރެގައި ވަނީ ރުއިމާއި ކަރުނައެވެ. ހިތާމައާއި ހިތްދަތިކަމެވެ.

ހައެއްކަ އަށެއްކަ ފަހަރު މުނިޔާގެ ފޯނަށް ސާޖިދު ގުޅައިފިއެވެ. މުނިޔާގެ ޚަބަރެއް ނުވިއެވެ. ދެން އޭނާ ގުޅީ ނިޔަމްއަށެވެ. ނިޔަމްގެ ފޯނަށް ވެސް ތިން ފަހަރު ގުޅައިފިއެވެ. ނުނެގިއެވެ. ސާޖިދު ފޯނު ބާއްވާފައި ވިސްނައިލިއެވެ. އަނެއްކާ ކިހިނެއްވީ ބާވައެވެ؟ މިއީ އެހެންޏާ ދުވަހަކު ވެސް ވީ ގޮތެއް ނޫނެވެ. މުނިޔާ ވަރަށް ފަސޭހައިން ފޯނު ނަގާނެއެވެ. ނިޔަމް ވެސް އެންމެ ރިންގަކުން ފޯނު ނަގާނެއެވެ. އޭނާގެ އެކުވެރިއަކީ ވެސް، ބައިވެރިއަކީ ވެސް، އޭނާގެ ފޯނެވެ.

އިރުކޮޅަކު ވިސްނައިލަން އިނދެފައި، ސާޖިދު ނިންމީ މަސައްކަތަށް އެނބުރޭށެވެ. އިރުކޮޅަކުން މުނިޔާ ގުޅާނޭކަމަށް ހިތަށް ވިސްނައިދެމުންނެވެ. ޗުއްޓީގައި ދުވަސްތަކަކު ހުރެފައި އޮފީހަށް ނިކުތުމުން، މަސައްކަތްތައް ފުނިޖެހިފައި ހުރީމައާ ވެސް އެކުގައެވެ. އެހެންނަމަވެސް މަސައްކަތުގައި މާ ގަޔާވާ ގޮތެއް ނުވިއެވެ. ހިތް ނުތަނަވަސްވަނީއެވެ. މުނިޔާއާ ނުގުޅުނީމައެވެ. ނިޔަމް ފޯނު ނުނެގީމައެވެ. ވީ ގޮތެއް ސާފުނުވާތީއެވެ. އެެހެންކަމުން މަސައްކަތް ބަހައްޓާފައި އަނެއްކާ ވެސް އޭނާއަށް ނެގުނީ ފޯނެވެ. މި ފަހަރު ވެސް ފުރަތަމަ ގުޅީ މުނިޔާގެ ނަންބަރަށެވެ. ނުނެގިއެވެ. ތިން ފަހަރު ގުޅުމަށްފަހު، ނިޔަމްއަށް ގުޅިއެވެ. ނުނެގިއެވެ. މިހައި ހިސާބުން ސާޖިދުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ނިންމީ، ވަސީމާއަށް ގުޅުމަށެވެ.

ފުރަތަމަ ރިންގުން ވަސީމާ ފޯނުނެގިއެވެ. ސާޖިދު އަވަސް އަވަހަށް ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“މަންމާ! ކޮބާ މުނީ؟” ސާޖިދުގެ ހިތުގެ ނުތަވަސްކަން ހުރި މިންވަރު، އޭނާގެ އަޑުން ހާމަވިއެވެ.

“އެބަ އުޅޭ ކޮޓަރީގަ.” ވަސިމާގެ އަޑު ސާޖިދަށް އިވުނީ ވަރަށް މަޑުންނެވެ. އެހެންނަމަވެސް އެ އަޑުގައި ހުރި ރިހުމެއް އޭނާއަކަށް ނަގައެއް ނުގަނެވުނެވެ.

“ހާދަ ވަރަކަށް ގުޅައިފީމޭ. ނުއެއް ނަގާ! ނިޔޫއަށް ވެސް ދެތިން ފަހަރަކު ގުޅިއްޖެ!”

ވަސީމާގެ ލޭ ހޫނުވިއެވެ. އޭނާއަށް ލޯ މަރައިލަމުން ދަތްކުނޑި ވިކައިގަނެވުނެވެ. މަކަރުވެރި ފިރިހެނެކެވެ. ސާޖިދުގެ ދުލުން އޭނާގެ ދަރިއެއްގެ ނަން ވެސް ގަންނާކަށް އޭނާ ނޭދެއެވެ. އެހެންނަމަވެސް އައިސްފައިވާ ރުޅިގަނޑު ފައިބުޑަށް ހިންދާލަމުން އޭނާ ވާހަކަދެއްކިއެވެ.

“އާނ! ކުޑަކަމެއް ދިމާވެގެން މި އުޅެނީ.”

“ކިހިނެެއްވީ؟” ސާޖިދަށް އަވަސްއަވަހަށް އަހައިލެވުނެވެ.

“ސާޖިދަށް މިހާރު ގެއަށް އާދެވޭނެތަ؟” އާދައިގެ ގޮތަކަށް ވަސީމާ އަހައިލިއެވެ.

“އާނ! ދާންވީ؟” ސާޖިދު ފުންމައިގެން ތެދުވިއެވެ.

“އާދެވެންޏާ ވަރަށް ރަނގަޅު މިހާރު ޖައްސާލިއްޔާ.”

“އެކަމަކު ބުނެބަލަ މަންމާ! ކިހިނެއްތަވީ؟” ސާޖިދުގެ ހިތުގެ ނުތަނަވަސްކަން އިތުރުވާން ފެށިއެވެ. ވަސީމާގެ އަޑާއި ރާގު ހުރިގޮތުންނެވެ. ވާހަކައިގައި ފޮރުވުމެއް ހުރިހެން ހީވުމުންނެވެ.

“އައިމަ އެނގޭނެ! ތަންކޮޅެއް އަވަހަށް އައިސްބަލަ!”

“އަނެއްކާ މުނީއަށް ކަމެއްވީތަ؟” ސާޖިދު ކުރިއަށް ހިނގައިގަތެވެ. އެހެންނަމަވެސް އޭނާގެ އެ ސުވާލަށް ވަސީމާގެ ކިބައިން ޖަވާބެއް ނުލިބުނެވެ. ފޯނު ކެނޑިއްޖެއެވެ. ނޫނީ ކަނޑައިލީއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު ސާޖިދު ކުރިއަށް ހިނގައިގަތެވެ. އެ ވަގުތު އޭނާގެ ހިތް ބުނާންފެށިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. ވަރަށް ގޯސްވެއްޖެއެވެ. އޭނާގެ ހިތް އޭނާ ގާތު، ތަކުރާރުކޮށް ބުނަނީ މުނިޔާއަށް ކޮންމެވެސް ދެރަ ގޮތެއް ވެއްޖެ ކަމަށެވެ. މުނިޔާގެ ބަނޑަށް އެއް މަހެވެ. އެކަން އެ ދެމަފިރިންނަށް އެނގުނީ މިއަދުއެވެ. އަނެއްކާ މުނިޔާއަށް އުޅެވުނު ގޮތަކުން ބައިގެންދިޔައީ ބާވައެވެ؟ މި ވޭނީ ފިކުރު، ތޫނު ކަނޑިއެެއްގެ ސިފައިގައި އައިސް، އޭނާގެ ނުތަނަވަސްވެފައިވާ ހިތަށް ދިން ވަރުގަދަ ހަމަލާއާއެކު، އެ ހިތް ރޮއިގަތެވެ.

ސާޖިދުގެ ފޯނު ބޭއްވި ގޮތަށް، ވަސީމާ ދިޔައީ މުނިޔާގެ ކޮޓަރިއަށެވެ. އޭރު ވެސް މުނިޔާ އޮތީ އެނދުގައެވެ. ދެ ލޮލުގައި ކަރުނައިގެ ތެތް ފައުޖެއް ހަރަކާތްތެެރިވަމުން ދިޔަ ނަމަވެސް، މިހާރު އޭނާ ރޯތަނެއް ނުފެނެއެވެ. ވަސީމާއަށް ފެނުނީ ނިޔަމްގެ އަތުން މުނިޔާގެ މޫނަށް އެރިހަމަލާގެ ނިޝާން، އެ މޫނުމަތީގައި ކުރެހިފައި ހުރި މަންޒަރެވެ. އެ މަންޒަރު ފެނުމާއެކު، އޭނާއަށް ލޯ މަރައިލެވުނެވެ. ހިތުގައި މީހަކު ކޮޅުފައިން ޖެހިކަހަލައެވެ.

“ސާޖިދު އެބަ އުޅޭ ދަރިފުޅު ފޯނު ނުނަގައިގެން.” ހިންދިރުވައިލަމުން، ވަސީމާ ބުންޏެވެ. އޭނާ ބޭނުންވީ މުނިޔާ ބުނާ އެއްޗެއް ބަލާށެވެ.

ވަސީމާގެ އެ ޖުުމުލައާއެކު މުނިޔާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. އެއްޗެއް ބުނާން ބޭނުންވިނަމަވެސް، އެންމެ ލަފުޒެއް ވެސް ބޭރެއް ނުވިއެވެ. ކަރުގައި އެތައް ލަފުޒެއް ތާށިިވެ ކޮޅަކުން ކޮޅަކަށް ގުޑައިނުލައި ހުރި ކަހަލައެވެ.

“ސާޖިދު ދެންމެ މަންމައަަށް ގުޅި. ކޮއްކޮއަށް ވެސް ގުޅީމޭ ބުނީ. އޭނަ ވެސް ފޯނެއް ނުނަގަޔޯ.”

މުނިޔާގެ ތުންފަތް ތުރުތުރުއަޅަން ފެށިއެވެ. ކަރުނައިގެ ކޯރުގައި އާ ބާންޏެއް އުފެދުނެެވެ. އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ. ސާޖިދު ކިތަންމެ ނުބައި އަމަލެއް ހިންގި ނަމަވެސް، އޭނާ އަދިވެސް ސާޖިދު ދެކެ ލޯބިވެއެވެ. ވަރަށް ބޮަޑަށް ލޯބިވެއެވެ. އެ ލޯބި ބީވާކަށް ވެސް ނޭދެއެވެ. އެހެންނަނަމެސް ސާޖިދު ކޮށްފައި އެ ވަނީ، މަޢާފުނުކުރެވޭ ވަރުގެ ނުބައި ޢަމަލެކެވެ.

“ދަރިފުޅު އަދިވެސް ބޭނުންތަ ސާޖިދާ އިނދެގެން އުޅެން؟” ވަސީމާ ކުރަން ބޭނުންވި ސުވާލު މުނިޔާއާ ދިމާއަށް ފޮނުވައިލިއެވެ. ސާޖިދާ މެދު، މުނިޔާގެ ހިތުގެ އަޑި އޮތްގޮތް ހާވާލުމަށް ޓަކައި މަސައްކަތް ފެށިއެވެ.

ކަރުނައިން ފޯވެ، ރަތްވެފައިވާ ދެ ލޮލުން ވަސީމާއާ ދިމާއަށް މުނިޔާއަށް ބަލައިލެވުނެވެ. އޭނާއަށް ކުރިމަތިލާން އެ ޖެހުނީ ވަރަށް އުނދަގޫ ސުވާލަކާއެވެ. ޖަވާބުދޭން ވަރަށް ދަތި ސުވާލަކާއެވެ. އެހެންނަމަވެސް އެއީ މިއަދު އޭނާ އަމިއްލަ ނަފުސާ ވެސް ކުރަން ޖެހިފައިވާ ސުވާލެކެވެ. ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ. އެއަށްވުރެ ކުރިން މަންމަގެ ކިބައިން އެ ސުވާލު އެ ވަނީ ކުރިމަތިވެފައެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟” މުނިޔާ އެއްޗެއް ނުބުނެ ބަލަހައްޓައިގެން އޮންނާން ފެށުމުން، ވަސީމާ ސުވާލު ތަކުރާުކޮށްލިއެވެ.

މުނިޔާ އިރުކޮޅަކު އޮވެފައި ބޯ ހަލުވައިލިއެެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެެވެ. އެއާއެކު އޭނާއަށް ރޮއިގަނެވުނެވެ. ވަގުތުން ހިތް ބުނާންފެށިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އެ އޮތް ފަދަ އުފާވެރި ދިރިއުޅުމާ މި ކުޅެލީ ކޮން ފަދަ އަނިޔާވެރި އަތަކުން ހެއްޔެވެ؟ ދުނިޔެއަކީ މި ކަހަލަ ތަނެއް ހެއްޔެވެ؟ ކޮންމެ އުފަލަކަށްފަހު ހިތާމައެއް އަންނަ ގޮތަކީ މިއީ ހެއްޔެވެ؟

މިއަދުގެ އިރު ދުނިޔެއަށް ފާއްދައިލީ، މުނިޔާގެ ހިތް  އުފާވެރި ރާގަކަށް ނަށުވަމުންނެވެ. އުފާވެރިކަމުގެ އާރަކުން ނަފުސު ފޯކުރަމުންނެވެ. ސާޖިދުގެ އޯގާވެރި އަތުން އޭނާގެ ގައިގައި ފިރުމަމުން ގެންދިޔައެވެ. ހިތާއި ރޫޙަށް ފިނިކަން ލިބުނެވެ. އަގުބޮޑު ޖަވާހިރަކަށް ވެސް މީހަކު އެ ވަރަށް ލޯބިނުކުރާނެއެވެ. މިއީ ވެސް ހަމަ އެ ދުވަހެވެ. ވަގުތުކޮޅެއް ފަހެވެ. ހާލަތު ބަދަލުވެފައިވާ މިންވަރު ދެކިބަލާށެވެ. ސާޖިދުގެ އެ އޯގާވެރި އަތް، އޭނާއަށް މިހާރު ސިފަވަނީ ޒަހަރުލާފައިވާ ވިހަގަދަ ޚަންޖަރެއްގެ ގޮތުގައެވެ. އެ ފަދަ ނުލަފާ މީހެއްގެ ލޭ އޭނާގެ ބަނޑުގައި ގަރުބަގެންފައި އޮތުމަކީ ވެސް ކުޑަ ވޭނެއް ނޫނެވެ.  ހިތާމައިގެ މައްޗަށް ހިތާމައެވެ. މުނިޔާގެ ރުއިމާއި ގިސްލުން ވީ އިތުރެވެ.

“ސާޖިދު އެބަ އާދޭ މި ގެއަށް. އޭނާއަށް ޓަކައި މި ގޭ ދޮރު ހުޅުވާން ދަރިފުޅު ބޭނުންތަ؟”

ސާޖިދު ދުއްވާފައި އައީ ވަރަށް ހަލުއި ދުވެއްޔެއްގައެވެ. އޭނާގެ ހިތުގެ ނުތަނަވަސްކަން ވަނީ އިންތިހާއަށް އަރާފައެވެ. ސިކުނޑި ވަނީ ހަންދަރަކަށް ވެފައެވެ. މުނިޔާގެ ޚަބަރެއް ނުވެފައި އޮއްވާ، ވަސީމާ ވާހަކަ ދެއްކި ގޮތުންނެވެ.

މެންދުރުގެ ގަދަ ހޫނުގައި އޭނާ ދުއްވާފައި އައިސް ގޭ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. ހަރު ޖެއްސުމާއި ސައިކަލްމަތިން ފުންމާލުމާ ދިޔައީ ދާދި އެކުއެކީގައެވެ. ދެ ފަޔަށް ބާރުލާފައި އޭނާ ދޮރޯޓާ ދިމާއަށް ހިނގައިގަތެވެ.

ސާޖިދު އެ އައިގޮތަށް އައިސް، ދޮރޯށީގެ ތަޅުގައި ހިފައި އަނބުރައިލިއެވެ. އޭނާ ބޭނުންވީ އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްނުލައި ގެއަށް ވަންނާށެެވެ. މުނިޔާގެ ހާލެއް ދެކޭށެވެ. އެހެންނަމަވެސް އެ ކަމެއް ނުވިއެވެ. ތަޅު އަނބުރައެއްް ނުލެވުނެވެ. އެތެރެއިން ހުރީ ތަޅުލާފައެވެ. މިއީ އެހެންޏާ ވާ ކަމެއް ނޫނެވެ. މިއީ ދުވާލު ދޮރޯށި ތަޅުލާފައި ހުންނަ ގެއެއް ނޫނެވެ. ސާޖިދު އަވަސްއަވަހަށް ދޮރުފަތުގައި ޖަހައިލިއެވެ. ޖަހައިލި ޖަހައިލުމުން ވެސް އޭނާގެ ހިތް އަވަސްވެފައިވާ މިންވަރު ވަޒަންކުރެވުނެވެ.

ތިން ހަތަރު ފަހަރު ޖެހުމުން ވެސް، ދޮރޯއްޓެއް ނުހުޅުވިއެވެ. އެހެންކަމުން ފޯނުނަގައި މުނިޔާއަށް އޭނާ ގުޅިއެވެ. މުނިޔާ ނުނެގުމުން ނިޔަމްއަަށް ގުޅިއެވެ. ވަސީމާއަށް ވެސް ގުޅިއެވެ. އެންމެ ފަހުން ފައިސަލަށް ވެސް ގުޅިއެވެ. އެކަކު ވެސް ފޯނެއް ނުނެގިއެވެ. ސާޖިދު ހުރީ ކަންބޮޑުވެގެން ގޮސް އަވަދިވާވަރު ވެފައެވެ. ވާން މި އުޅެނީ ކިހިނެއް ބާވައެވެ؟ ގޭގައި އެކަކު ވެސް ނެތީބާވައެވެ؟ މުނިޔާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް ކަށަވަރު ވެއްޖެއެވެ.

ގުޅައިގުޅައި އެއްވެސް މީހެއްގެ ޚަބަރެއް ނުވުމުން، އެންމެ ފަހުން ސާޖިދު ގަސްތުކުރީ، ހޮސްޕިޓަލަށް ދާށެވެ. އޭނާގެ ހިތް ބުނާންފެށީ މުނިޔާ ބަލިވެގެން، ގެ ތަޅުލާފައި އެންމެން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ. ކަމުގެ ބޮޑުކަމުން ވަސީމާއަށް އޭނާގެ ގާތުގައި އޭރު ބުނާން ވެސް ނުކެރުނީ ކަމަށެވެ. އެކަމަކު އެކަކު ވެސް ފޯނު ނުނަގަނީ ކީއްވެ ބާވައެވެ؟

ނިތްމަތިން ދާތިކިތައް ފޮހެލަމުން، ސާޖިދު ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް އޭނާ ސައިކަލަށް އެރިއެވެ. ހަރު ނައްޓާލައި، އިސްޓާޓުކޮށްލަން އުޅެނިކޮށް، އިވުނީ ގޭ ދޮރާށި ހުޅުވުނު އަޑެވެ. އޭނާއަށް އަވަސްއަވަހަށް އެދިމާއަށް ބަލައިލެވުނެވެ. ފެނުނީ ވަސީމާގެ ރުޅިއާއި ނަފުރަތުން ފޯވެފައިވާ މޫނެވެ. ބޮޑުވެ، ރަތްވެފައިވާ ދެ ލޮލެވެ. ސައިކަލުން ފައިބައިގެން ކުރިއަށް ހިނގައިގަތުމަށް އުޅުނު ސާޖިދުގެ ހަރަކާތްތަކަށް ހުއްޓުން އެރީ، އޭނާގެ ފޮށި ދޮރާށިން ބޭރުކޮށްލިތަން ފެނިައެވެ.

“މި ގޭގެ ދޮރު ކަލެއަށް ޓަކައި އަބަދަށް ބަންދުވެއްޖެ! ކަލެއާ އިނދެގެން އުޅޭކަށް މުނިޔާ މިހާރު ބޭނުމެއް ނުވޭ! މި ފޮށީގައި ކަލެއަށް ނަން ކިޔުނު ހުރިހައި އެއްޗެއް ހުންނާނެ!”

ބުނާނެ އެއްޗެއް ނޭނގި، ލިބުނު ހައިރާންކަމާއެކު އަނގަ ހުޅުވިފައި ސާޖިދު ހުއްޓާ، ވަސީމާ ދޮރޯށި ލައްޕާ ތަޅުލައިފިއެވެ. ސާޖިދަށް ހަމަހޭވެރިކަމަށް އާދެވުުނު އިރު، ވަސީމާ ދާނެ ހިސާބަކަށް ގޮސް ނިމިއްޖެއެވެ. ސާޖިދަށް ދޮރޯޓާ ދިމާއަށް ދުއްވައިގަނެވުނެވެ. އެ ދިޔަ ގޮތަށް ގޮސް، ދޮރޯށީގެ ތަޅުގެ އަތްގަނޑުގައި ދެ އަތުން ހިފުނެވެ. އަނބުރައިލެވޭތޯ މަސައްކަތް ކުރެވުނެވެ. މުނިޔާގެ ނަމުން ގޮވަމުން، ދޮރުފަތުގައި ތަޅައިގަނެވުނެވެ. އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ. އެހެންނަމަވެސް އޭނާގެ އަޑު އަހާނެ މީހަކު އެ ގެއަކުން މައްޗެއް ނުވިއެވެ.

ފައިސަލް އިނީ ހުއްޓުންއަރާފައެވެ. ނިޔަމްގެ ކޮޓަރިތެރޭގައި އޭނާގެ ދެ ދަރިން އެކަކު އަނެކަކުގެ ގަޔަށް އަތްލައި، ތަޅާފޮޅަމުން ދިޔަ ހިތްދަތި މަންޒަރާއެކު، ދެވަނަ ވިސްނުމަކަށް ދާން ފުރަތަމަ ފަހަރަށް އޭނާއަށް މަޖުބޫކުރުކުރިއެވެ. އޭނާއަށް ގަބޫލުކުރެވުނު ގޮތުގައި، ނިޔަމް ކިތަންމެ ރުޅިއަޔަސް، މުނިޔާގެ ކުރިމަތީގައި އެ ފާޑަށް ބަސްބުނާކަށް އޭނާއަކަށް ނުކެރޭނެއެވެ. ނިޔަމް ކިތަންމެ ހިތްވަރު ގަދަޔަސް، މުނިޔާގެ ގައިގައި އެ ފާޑަށް ތަޅައި އަނިޔާކުރާކަށް ވެސް ނުކެރޭނެއެވެ. އަނެއްކޮޅުން އެ ވަގުތު ނިޔަމްގެ ހަށިގަނޑަށް އައިސްފައިވާ އެ ހުރި ބާރަކީ، އެ އުމުރުގެ ކުއްޖަކަށް ލިބޭނެ ބާރޭއް ނޫނެވެ. އެހައި ތަނުން އޭނާއަށް ވަދެވުނީ ޝައްކުގެ ޖަންގައްޔަކަށެވެ. މީހާ ވާވަދެއްޖެއެވެ.

ނިޔަމް އަދި ވެސް އޮތީ ތަޅުންގަނޑު މަތީގައެވެ. މިހާރު އޭނާއަށް އޮތީ ނިދިފައެެވެ. އޭނާއަށް ހޭލެވުނީ ހަމަ ކުއްލިއަކަށެވެ. ހޭލެވުމާއެކު ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެ ތަށިމުށި މަތީގައި އިށީނެވެ. އޭރު ކޮންމެވެސް ވަރަކަށް އޭނާގެ ބޮލުގައި ރިހެއެވެ. އޭނާއަށް އިރުކޮޅަކު ވިސްނައިލާން އިނދެވުނެވެ. މި ވީ ކިހިނެއް ބާވައެވެ؟ ނިދިފައި އޮއްވާ އެނދުމަތިން ވެއްޓުނީ ބާވައެވެ؟ އޭނާ މަޑުމަޑުން ތެދުވެ، އެނދުމަތީގައި އިށީނދެ، ހަނދާނުގެ ދަންމާނަށް ވާންކޮށްލިއެވެ. ހަނދާނަށް އައީ ދޮންތަގެ ކޮޓަރީން ދޮންތަ ރޮއިގަތް އަޑާއި އެ ކޮޓަރިން ނިކުމެގެން މަންމަ ރޮމުންރޮމުން ދިޔަ ހަނދާނެވެ. އޭނާ އަވަސް އަވަހަށް ތެދުވިއެވެ. ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. އޭނާ ގޮސް މުނިޔާގެ ކޮޓަރީ ދޮރުފަތުގައި ޓަކި ޖެހިއެވެ. ދެތިން ފަހަރަކު ޖެހިތަނާ މުނިޔާ އައިސް ދޮރު ހުޅުވިއެވެ.

“ދޮންތާ!”

ނިޔަމްގެ ސުވާލުމާކުން ފުރިފައިވާ މޫނު ފެނުމާއެކު، މުނިޔާ އަނދައިގަތެވެ. އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ، ވަގުތުން ދޮރުލެއްޕިއެވެ. ތަޅުލިއެވެ. ނިޔަމްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނާއަށް ފުރަތަމަ ހީކުރެވުނީ، މުނިޔާ އޭނާއާ ސަމާސާކުރަނީ ކަމަށެވެ. އެހެންކަމުން އޭނާ އަނެއްކާ ވެސް ދޮރުފަތުގައި ޓަކިޖަހައިލިއެވެ. ދޮންތާއޭ ކިޔައި ގޮވައިލިއެވެ. ދޮރު ހުޅުވަބަލާށޭ ބުނަމުންނެވެ. އެހެންނަމަވެސް ނުހުޅުވިއެވެ. އޭނާއަށް އިވެނީ މުނިޔާގެ ގިސްލުމުގެ އަޑެވެ.

ނިޔަމްއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އޭނާގެ ހިތް އޭނާއަށް އަންގަމުން ދިޔައީ ގޯހެއް އުޅޭކަމަށެވެ. މިއަދު ހެނދުނު ހެނދުނާ މަންމަ އައިސް އޭނާއާ ދެއްކި ވާހަކައާއި މަންމަ އައިސް ދެއްކި ވާހަކަތަކަކާ ގުޅިގެން ދޮންތަ ރުއި ރުއިމާއި ދޮންތަގެ ކޮޓަރިން ނިކުމެގެން ރޮމުންރޮމުން މަންމަ ދިޔަ ދިޔުމާއި، ދެންމެ ފެނުނު ދޮންތަގެ ރުޅިވެރި މޫނާއި މި ހުރިހައި ކަމެއް އެކެއްޗަކަށް އަމުނައިލުމުން، އޭގެތެރެއިން ނިޔަމްއަށް ފެންނަނީ އަނދަމުން ދާ އަލިފާންގަނޑެކެވެ. އޭގެ ދިޔަ އޭނާގެ ހިތަށް ފޯރަންފެށިއެވެ.

އެ ހުރި ފިޔަވަޅު މަތީގައި އިރުކޮޅަކު ވިސްނާލަން ހުއްޓާ، އޭނާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. ކަރުނަ ފޮހެލަމުން އޭނާއަށް ބޭއިޚުތިޔާރުގައި ހިނގައިގަނެވުނީ، މަންމަމެންގެ ކޮޓަރިއާ ދިމާއަށެވެ. އޭނާ ބޭނުންވަނީ މަންމައާ ސުވާލުކުރާށެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވާށެވެ. އޭނާ ގޮސް މަންމަގެ ކޮޓަރީގައި ޓަކިދިނެވެ. އިރުކޮޅަކުން ދޮރު ހުޅުވީ ފައިސަލެވެ. ނިޔަމް ފެނުމާއެކު ފައިސަލަށް އިސް އޮބައިލެވުނެވެ. ވަސީމާ އޮތީ އެނދުމަތީގައި ބިތްދޮށަށް އެނބުރިއެވެ. ނިޔަމް ވަނުމާއެކު ބޯ އުފުލައި ބަލައިލިއެވެ. ހިތާމައާއި ރުޅިންވެރިކަމުން ބަނަވެފައިވާ އެ މޫނު ފެނުމާއެކު، ނިޔަމްގެ ހިތް ފަޅައިގެން ދާ ވަރުވިއެވެ.

ވާނުވާ ނޭނގި ހުރި ނިޔަމް ރޮއިރޮއިފައި ޝަކުވާކުރާން ފެށިއެވެ. އެންމެން އޭނާދެކެ ރުޅި އައިމައެވެ. ދޮންތަ ކަންތައްކުރި ގޮތުންނެވެ. ނިޔަމްގެ އަޑު ވަސީމާ ދިޔައީ އަހަމުންނެވެ. އޭނާގެ ސިކުނޑީގެ ހައިޖާނު އިތުރަށް ބޮޑުވާން ފެށިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ، ސާޖިދު އަނެއްކާ ވެސް މޮޅު ރޭވުމެއް ރާވާލީ ކަމަށެވެ. ނިޔަމްގެ ސިކުނޑިއަށް ސަވާރުވެ، މޮޅު އިސްކްރިޕްޓެއް ދީގެން ޑްރާމާކުޅުވާން ފެށީކަމަށެވެ. އޭނާގެ ސިކުނޑީގެ ވަކި ހިސާބެއްގައި ކުރެހެމުން ފުރާނަ އެޅެމުން ދިޔައީ، މީގެ ކުޑައިރުކޮޅެއް ކުރީން ނިޔަމްގެ އަމަލުތަކުގައި ހުރި އަނިޔާވެރި ރަޙުމުކުޑަކަމެވެ. މުނިޔާގެ ގައިގައި ތެޅި މަންޒަރެވެ. ވާސީމާގެ ނާރުތަކުގައި ހިނގަހިނގާ ހުރި ލޭތައް ކެކިގަތެވެ.

ވަސީމާ ފުންމައިގެން ތެދުވިއެވެ. ވަގުތުން ނިޔަމްއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ހަމަ މިހާރު މިތަނުން ދާން އުޅޭށޭ ކިޔައި، ނިޔަމްގެ އަތުގައި ހިފައި ކޮޓަރިން ބޭރުކޮށްލިއެވެ. ނިޔަމް ރޮއިރޮއި ހުއްޓާ ކޮޓަރީ ދޮރުލައްޕާ ތަޅުލިއެވެ. އެއާއެކު ވަސީމާ އަޑުން އަޑުނަގައި ރޮއިގަތެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނޭ ހެއްންނެވެ.

ނިޔަމްގެ ހިތަށް ލިބުނު އަނިޔާ ވަކިން ބޮޑުވިއެވެ. އޭނާ ރޮމުންރޮމުން ދުވެފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުމައްޗަށް ވެއްޓިގަތެވެ. ހިތް ކުދިކުދިވެފައިވާ ހާލު ރޮއިރޮއި އޮތެވެ. ގިސްލެވެމުން ދިޔައެވެ.

ވަސީމާ ކަންތައް ކުރި ގޮތް ފެނިފައި، ފައިސަލަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ކޮޓަރިން ނިކުތެވެ. އޭނާގެ ހިތް އޭނާއަށް އަންގަމުން ދިޔަ މަގުން ހިނގައިގަތެވެ. ލަސް ފިޔަވަޅުތައް ތަރުތީބުވަމުން ދިޔައީ ނިޔަމްގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރިއާ އަރައި ހަމަވުމާއެކު ފިޔަވަޅަށް މަޑުޖެހުނެވެ. އޭރު އޭނާގެ ދެ ލޮލުން ކަރުނަ އޮހެއެވެ. އިރުއިރުކޮޅުން ދެ ލޯ ފޮހެލައެވެ.

ފައިސަލް އުޅުނީ ދޮރުފަތުގައި ޓަކިޖަހައިލާށެވެ. އެ ހަރަކާތަށް ހުއްޓުންއެރީ ނިޔަމްގެ ފޯނު ރިންގުވާންފެށި އަޑު އިވިފައެވެ. ނިޔަމް ބޯ އުފުލައިލައި އެނދުމަތީގައި އޮތް ފޯނަށް ބަައިލިއެވެ. ގުޅަނީ ދޮންތަބެއެވެ. ނިޔަމް އިރުކޮަޅަކު ބަލަން އޮވެފައި ފޯނު ނެގިއެވެ.

“ނިޔޫ!” އަވަސް އަވަހަށް ސާޖިދު ނިޔަމްއަށް ގޮވައިލިއެވެ. “ކޮބާ ދޮންތަ؟” ސާޖިދު ހުރީ މުނިޔާގެ ޚަބަރެއް ނުވެގެން ހަދާނެ ގޮތް ހުސްވެފައެވެ.

“ދޮންތަ… ކޮޓަރީގަ.”

“ނިޔޫ ރޮނީތަ؟” ނިޔަމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ސާޖިދަށް އެނގިއްޖެއެވެ. “ކިހިނެއްވީ؟”

ސާޖިދުގެ އެ ސުވާލާއެކު ނިޔަމްގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އޭނާއަށް އަނެއްކާ ވެސް ރޮއިގަނެވުނެވެ. އޯގާވެރި އަޑަކުން އޭނާއަށް އެއްޗެއް ބުނެލާނެ މީހަކު މި ފުރާޅުގެ ދަށުން ލިބުމުން އުފާވީ ކަމެއް، ނުވަތަ މިއަދު ޖެހިފައިވާ ގިލަންވެރިކަމުގެ ބޮޑުކަމުން ހިތަށް އޮބިނޯތީކަމެއް ނޭނގެއެވެ.

“ކިހިނެއްވީ ނިޔޫ؟ ކޮން ކަމަކާ ތި ރޮނީ؟”

ސާޖިދު އެތައް ވަރަކަށް ސުވާލުކޮށް، އެތައް ވާހަކައެއް ދެއްކިފަހުން، ނިޔަމްއަށް އަނގައިން ބުނެވޭވަރު ވެއްޖެއެވެ. އޭނާ ގިސްލަގިސްލާފައި ވެގެން އުޅޭގޮތް ސާޖިދަށް ކިޔައިދިނެވެ. ގޭގެ އެކަކު ވެސް އޭނާއާ އަނގައިން ނުބުނާ ވާހަކައެވެ. ބައްޕަ އަނގައިން ނުބުނި ވާހަކައެވެ. ދޮންތަ ރުޅި އައިސްފައި އިން ވާހަކައެވެ. މަންމަ އެއްޗެހިކީ ވާހަކައެވެ. އަތުގައި ހިފައި ކޮޓަރިން ބޭރުކޮށްލި ވާހަކައެވެ. ވީ ކީއްކަން ނޭނގޭ ވާހަކައެވެ.

ސާޖިދަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ގޭތެރެއަށް ވެރިވެގެން މި އުޅެނީ ކޮން ފަދަ ގުޖަޑުގަނޑެއް ބާވައެެވެ؟ ވީނުވީއެއް ނޭނގި އޭނާ ގެއިން ބޭރުކޮށްލައިފިއެވެ. ނިޔަމް ބާކީ ކޮށްލީއެވެ.

“ދޮންތަބެ ތި އުޅެނީ އޮފީހުގަތަ؟” ނިޔަމް އަހައިލިއެވެ.

“ނޫން!” ސާޖިދު ދެ ލޯ ފޮހެލިއެވެ.

ނިޔަމް ދެއްކި ހުރިހައި ވާހަކައެއް ފައިސަލަށް އިވުނެވެ. ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ސަަބަބުން ސާފުކޮށް އެ ވާހަކަތައް ދޭހަވިއެވެ. އެ ވާހަކަތަކުން އޭނާއަށް ކަށަވަރުވީ، އެ ކުދިންނަށް ލިބެމުން އެ ދަނީ ކުށެއް ނެތް އަނިޔާއެއް ކަމެވެ. އެ ކުދިންގެ ބޮލުގައި އެޅިފައި އެ ވަނީ، ހަޤީޤަތެއް ނެތް އިލްޒާމެއް ކަމެވެ. ފައިސަލަށް ރޮވިއްޖެއެވެ. ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުންނެވެ. އޭނާ ބޭނުންވަނީ ނިޔަމްގެ ކޮޓަރިއަށް ވަންނާށެވެ. އެ ކުއްޖާއަށް ލިބެމުން ދާ ހިތާމައިގައި ބައިވެރިވާށެވެ. ބައްޕަގެ ހިތް ދަރިފުޅަށް ޓަކައި ސާފޭ ބުނާށޭވެ. ސާޖިދަށް ޓަކައި ގޭގެ ދޮރު ހުޅުވާށެވެ. އެހެންނަމަވެސް އެއިން އެއްވެސްކަމެއް ކުރާނޭ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

ރޮމުން ކަރުނަ ފޮހެމުން ފައިސަލް ހިނގައިގަތީ ގެއިން ނިކުންނާށެވެ. އޭނާގެ ހިތާމައިގެ މައްޗަށް ރުޅިވެރިކަން އަތްގަދަކުރާން ފެށިއެވެ. ރޫޙާނީ މަޚުލޫޤުގެ ނުބައި ނުލަފާކަން ހިތަށް އަރާފައެވެ. އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައިފިއެވެ. ދަރިންކޮޅުގެ ދުވަސް ދުއްވާލައިފިއެވެ. މިއީ ކޮން ކުށަކާ ލައިގެން ދޭ އަނިޔާއެއް ހެއްޔެވެ؟ މި ހުރިހާ ހިތްދަތިކަން ނުދީ، މަރާލިޔަސް މާ ރަނގަޅުވާނެއެވެ.

ބޭރަށް ނިކުތް ގޮތަށް ފައިސަލް މިސްރާބުޖެހީ ރަސްފަންނާ ދިމާއަށެވެ. މެންދުރުގެ ގަދަ ހޫނުގެ ތެރޭގައެވެ. ކަންބޮޑުވެ ހާސްވެފައި ހުރިލެއް ބޮޑުކަމުން، ސައިކަލްގެ މަތިން ވެސް ހަނދާން ނެތެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ރަސްފަންނަށް ފޭބިއެވެ. އެ ތަނުން ޖޯލިފައްެޗެއްގައި ޖައްސާލިއެވެ. އެ ވަގުތު އެ ތަނުގައި އެއްވެސް މީހަކު ނެތެވެ. މޫދުގައި ދެ މީހަކު އުޅޭތަން ފެނެއެވެ.

ރޫޙާނީ މަޚުލޫޤުގެ ނުބައިނުލަފާކަމާމެދު ވިސްނާލެވުމާއެކު، ފައިސަލްގެ ދެ ދަތްޕިލަ ޖެހި ބާރުވިއެވެ. ދެ އަތް މުށްކަވާލެވުނެވެ. އޭނާ ބޭނުންވަނީ، އަޑުގެ ކޮޅަށް ހަޅޭއްލަވާށެވެ. އެއްޗެހިކިޔާށެވެ. އެހެންނަމަވެސް އޭނާގެ އަރުތެރެއިން އެންމެ ލަފުޒެއް ވެސް ބޭރެއް ނުވިއެވެ.

ފައިސަލް މިހާރު ބޭނުންވަނީ ހުރިހައި ވާހަކައެއް ވަސީމާއަށް ކިޔައިދޭށެވެ. އެ ކުދިންގެ އެއްވެސް ކުށެއްް ނެތްކަމަށް ބުނެ، އެ ހިތާމައާއި ބަދުނާމުން އެ ކުދިން މިންޖުކުރާށެވެ. އާއިލާގެ މަރުވެފައިވާ އުފާވެރިކަން ކަންވަޅުން ނަގާށެވެ.

“އޭތް! ކޮން ބޭކާރު ވިސްނުންތަކެއް ތި ވިސްނަނީ؟” ކަންފަތް ބުޑުން އިވުނު ބަރު އަޑާއެކު ފައިސަލް ސިހުނެވެ. އޭނާއަށް އަވަސް އަވަހަށް ފަހަތަށް ބަލައިލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “އުމުރުން ދުވަސްވެ މުސްކުޅިވީމަ، ތިހައި ބާރަށް ދަތްކުނޑި ނުވިކާ! ދަތްކޮޅު ފައިބަފާނެ!”

“ކިހަ ބޮޑުކަމެއް ކަލެއާހެދި! މަގޭ މުޅި ދިރިއުޅުން ތި ހަލާކުކޮށްލަނީ ކޮންކަމަކާ ލައިގެންތަ؟” ފައިސަލްގެ ދެ ދަތްޕިލަ ކުރިއަށްވުރެ ވެސް ބޮޑަށް ބާރުވިއެވެ.

“ހިތި ރަހަލާން ފަށައިފި ދޯ!” އިވުނު ބިރުވެރި ހިނިގަނޑުގެ އަޑާއެކު، ފައިސަލްގެ ކަންފަތަށް ތަދުވިއެވެ. “އަދި މި ކޮށްލީ ކުޑަ މިންވަރެއް! މިހާރު ތި އޮތީ ގޮތް ހުސްވެ، ކުރާނެކަމެއް ނެތިފަ. އެކަމަކު މިއިން އެއްވެސް ވާހަކައެއް އަންހެނުންނަށް ކިޔައިދޭން ހިތަށް ވެސް ނާރުވައްޗޭ! ނަތީޖާ ފޮންޏެއް ނުވާނެ!”

“ތި ވަރު ނުކޮށް، އަހަރެން މަރާލަބަލަ!” ފައިސަލްގެ އަޑު ތުރުތުރުއަޅައިގަތެވެ.

“އެހައި އަވަހަކަށް ނުމަރާނަން! ތި ގޮތަށް ހިތްދަތިކޮށްފަ ބަހައްޓާނީ.”

“އަހަރެން މިހިރަ މޮޔަވަނީއޭ!”

“މޮޔަކޮށްލާށޭ ބޭނުންވަނީ.”

“އެ ކުދިންގެ ކޮން ކުށެއް އޮތީ؟”

“ކަލޭ ކުރި ކުށުގެ އަދަބު، އެ މީހުންނަށް ވެސް އެ ލިބެނީ!”

“ކޮބައިތަ މަގޭ ކުށަކީ؟ މަ ކަލެއަށް ކީއްތަ ކުރީ؟ ކީއްވެތަ އެ ވާހަކަ ނުބުނެވިގެން ތި އުޅެނީ؟”

ބޭނުންތަ އަޑުއަހަން؟” މި ފަހަރު ރޫޙާނީ މަޚުލޫޤުގެ އަޑުގައި ހުރީ ހަރުކަށި ގޮތެކެވެ.

“އާނ! ބޭނުން!” ފައިސަލް ވަގުތުން ބުންޏެވެ.

“އެހެންވިއްޔާ މި ރޭ މެންދަމު ބާރަގަޑި ބައިގައި މި ތަނުން މަށާ ބައްދަލުކުރޭ! ގަޑިއަށް އަންނަންވާނެ! އެންމެ ސިކުންތެއް ލަސްވިޔަސް، އެ ކަމުގެ ހިތި ރަހަ އާއިލާގެ ކޮންމެވެސް އެކަކުގެ ކަރު ބުޑުގައި ހިފާނެ!” ކުއްލިއަކަށް މުޅި ހިސާބަށް ވަރުގަދަ ވައިރޯޅިއެއް އައިސްފައި މުޅި ސަރަޙައްދު ހަލަބޮލިކޮށްލުމަށްފަހު، އިސާހިތަކު ހިމޭން ވެއްޖެއެވެ.

އެ ޖޯލީގައި އެ އޮތްގޮތަށް ހުއްޓުން އަރާފައި، އެތައް އިރަކު ފައިސަލަށް އޮވެވުނެވެ. އޭނާ ބޭނުންވަނީ، އެ ތަނުގައި އޮވެ، އޭނާގެ ވިރެމުންދާ ހިތަށް ފަރުވާއެއް ހޯދާށެވެ. އެހެންނަމަވެސް އެ ކަމެއް ނުވެއެވެ. ފިކުރު ކުރެވުނު ވަރަކަށް ހިތަށް ލިބޭ އަނިޔާ ވަނީ އިތުރެވެ. އޭނާއަށް ވިސްނެނީ އޭނާގެ ދަރިންކޮޅާ މެދުގައެވެ. އަނބިމީހާއާ މެދުގައެވެ. އެ މީހުންނަށް މިއަދު ކުރިމަތިވެފައިވާ ހިތްދަތިކަމާ ދޭތެރޭގައެވެ. އެހެންނަމަވެސް މިއިން އެއްވެސް ވާހަކައެއް ބުނެވޭކަށް ވެސް ނެތެވެ.   

ދޭއް ޖަހައި ބޮޑުވިފަހުން ފައިސަލް އެ ތަނުން ތެދުވެގެން ގެއާދިމާއަށް ހިނގައިގަތެވެ. މި ރޭ ބާރަގަޑި ބަޔަށް އެ ތަނަށް އަންނަން އޭނާ ވަނީ ނިންމާފައެވެ. ކޮންމެ ގޮތެއް ވިޔަސް ވެހެވެ. ބޮޑު ވަރަކަށް ވެސް ވާނީ މަރެވެ. އޭރުން ވެސް މި ހާލުގައި ތެޅުމަށްވުރެ ރަނގަޅުވާނެއެވެ. އޭނާގެ އާއިލާ ވެސް އެ ހާލުގައި އުޅޭކަށް ނުޖެހޭނެއެވެ.

ރޭގަނޑުގެ ނުވައެއް ޖަހައި އެހައިކަންހައި އިރެވެ. ގޭތެރޭގައި ވަނީ ހިތާމައިގެ ފަޅުކަމެވެ. ފައިސަލާއި ވަސީމާ ތިބީ ކޮޓަރީގައެވެ. ވަސީމާ މިހާރު ބޭނުންވަނީ ރަށަށް ބަދަލުވާށެވެ. މާލޭގައި އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. މި ދިމާވި ކަންތައްގަނޑުގެ ސަބަބުން ދިރިއުޅުން މަތިން ވެސް އޭނާ ވަނީ ފޫހިވެފައެވެ. އެހެންކަމުން ރަށަށް ބަދަލުވުމުގެ ޚިޔާލު އޭނާ ފައިސަލަށް ހުށަހެޅިއެވެ. ފައިސަލް ބަހަކުން ބަހެއް ނުބުނެ އިނީއެވެ.

އިރުކޮޅަކުން ފައިސަލްގެ ފޯނަށް އައީ ސަލީމްގެ ކޯލެކެވެ. ފައިސަލް ފޯނުނެގިއެވެ. ސަލީމާ ވާހަކަ ދައްކާލުމުން ވެސް ހިތަށް ފަރުވާއެއް ލިބިދާނެއެވެ.

“ކޮންތާކު ތި އުޅެނީ؟ ގުޅާވެސް ނުކަމެއްނު!” ސަލީމްގެ އަޑުގައި ހުރީ އުފާވެރިކަމެވެ. “ވަރަށް މަޖާ ވާހަކައެއްް ބުނާށޭ މި ގުޅީ.”

“ކޮން ވާހަކެއް؟”

“ތަނެއްގަ ބާރަށް ހިފަހައްޓައިގެން އިންނައްޗޭ!” ސަލީމް ހިނިގަނޑެއް ޖަހައިލިއެވެ.

“ކިޔާބަލަ!” ސަލީމާއެކު ހީނލަން ފައިސަލް ބޭނުންވިއެވެ. އެހެންނަމަވެސް އޭނާއަކަށް އެކަމެއް ނުވިއެވެ.

“އެއްކަލަ ހުވަފެން ރޭ އަނެއްކާ ވެސް ފެނިއްޖެ!”

“ކޮން ހުވަފެނެއް؟”

“ކުރީ ރޭ ކިޔައިދިނީމެއްނު! މަރުވި ކުއްޖާގެ ވާހަކަ މި ބުނީ.”

ފައިސަލްގެ ހަނދާނަށް އަތުވެއްޖެއެވެ. އޭނާގެ ހިތް ތެޅިގަތެވެ. އޭނާ ބޭނުންވީ ފޯނު ކުރުކޮށްލާށެެވެ. ވަސީމާ އިންދާ އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.

“ފަހުން ގުޅައިލާނަން. އިނގޭ!” ފައިސަލް ފޯނު ބޭއްވިއެވެ.

“ކާކު ގުޅީ؟” ފައިސަލް ފޯނު ބޭއްވުމާއެކު ވަސީމާ އަހައިލިއެވެ.

“ސަލީމް.”

“ކިހިނެެއްވީޔޯ؟”

“އެ ދެން ހަމަ ގުޅާލީ.”

“ދެން ކޮން ހުވަފެނެއްގެ ވާހަކައެއް ތި ދެއްކީ؟” ވަސީމާގެ ސުވާލުތައް ގިނަވާން ފެށިއެވެ.

“އެ…އެއީ…” ކުއްލިއަކަށް ދޭނެ ޖަވާބެއް ފައިސަލްގެ ހިތަކަށް ނައެވެ.

“ކީއްވެ ބަސް ހުއްޓޭގޮތްވީ؟” ވަސީމާގެ އަޑާއި ރާގުގައި ނުރުހުމުގެ އަސަރު އުފެދުނެވެ.

“ސަލީމަށް ފެނުނު ހުވަފެނެއްގެ ވާހަކައޭ ބުނީ. އެއީ ދެން އެ ވަރުގެ ވާހަކައެއް ވެސް ނޫނެއްނު! މިހާރު ނަމާދުކޮށްފިންތަ؟”

“ކޮންމެހެން ވާހަކަ އޮޅުވާލަން އުޅޭނެކަމެއް ނެތް! މާ އަވަހަކަށް ފޯނު ކުރުކޮށްލާފަ ތި ބޭއްވީ މަ މިތާ އިނީމައެއްނު!” ވަސީމާގެ ނުރުހުން ވީ އިތުރެވެ.

“މީ ދެން ކޮން ވަގުތެެއް އަހަރެމެން ދެ މީހުން ޒުވާބުކުރަންފަށަން؟ މިހާރު ވެސް ގޭތެރެ މި އޮތީ ކަރުނައިގެ ކޯރަކަށް ގެނބިފަ. މި ހާލަތުގައި ކަމަކުން ކަމަކާނުވާ ކަމަކާ، އަހަރެމެން ދެ މީހުން ޒުވާބުކޮށް، ދެ ބަސްވީމަ ކިހިނެއް ވާނީ؟” ފައިސަލް ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. މި ވަގުތު އެންމެ މަސްލަޙަތު ހުރި ގޮތަކަށް ވާނީ، މި ގޮތް ކަމަށް ފެންނާތީއެވެ.

“ކޮން ތާކަށް ތި ދަނީ؟” ވަސީމާ ތެދުވެގެން އައިސް، ފައިސަލްގެ އަތުގައި ހިފެހެއްޓިއެވެ. “މަޑުކުރޭ! މި ވާހަކަ ކޮޅެއްގަ ޖައްސާފަ ދެވޭނީ!”

“ފިހާރައަކަށޭ މި ދަނީ.”

“ފިހާރައަކަށް ދާނެކަމެއް ނެތް! މަށަށް ސިއްރުން ކޮން ގަނޑެއް މިހާރު ތި ގަންނަނީ؟”

“ވަސީމާ! ހެޔޮނުވާނެ! ތި ޝައްކުގެ ކަންނޭލުން ދޫކޮށްލެވޭތޯ ބަލައިބަލަ! އަބަދު ތި އެއްޗެއްގަ ބައްދައިގެން ކިހިނެއް އުޅޭނީ؟”

“ކޮންމެހެން މާ މޮޅު މީހަކަށްވެެގެން ޝައްކުގެ ކަންނޭލެކޭ، ޝައްކުގެ ގޮދަޑިއެކޭ ކިޔާނެކަމެއް ނެތް! ނޭފަތު ކުރި ފެނުޖެހޭއިރު ވެސް ކަލޭމެން ދެ މީހުންގެ ތި ކުޅިގަނޑު ނުހުއްޓާނަން ދޯ؟”

“ކޮން ކުޅިގަނޑެއްތަ؟ ހަމަޖެހިބަލަ ވަސީމާ!”

“ސަލީމު ވެސް ބޮޑު ތުނބުޅި ބަހައްޓާފަ، މާ އަބުރުވެރި މީހަކަށް ވެގެން އުޅޭނެ! ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ.” ފައިސަލްގެ އަތުން ވަސީމާ ދޫކޮށްލިއެވެ.

މި ވަގުތު ގޭގައި މަޑުކުރުން ރަނގަޅުކަމެއް ކަމަށް ނުވިސްނޭތީ، ލިބުނު ފުރުސަތުގައި ފައިސަލް އަވަހަށް ގެއިން ނިކުމެއްޖެއެވެ. އޭނާ ބޭނުންވަނީ ކޮންމެވެސް އެކަހެރި ތަނަކަށް ގޮސް އެކަނިވެލާށެވެ. ހިތަށާއި ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ. މޮޔަނުވަނީސް މި ކަންތަންގަނޑުން ސަލާމަތްވެވޭތޯއެވެ.

ގެއިން ނިކުމެ ކުރިއަށް ދެތިން ފިޔަވަޅެއް އެޅުނު ތަނާ ފަހަތުން މީހަކު އައިސް އޭނާއާ އަރައި ހަމަކޮށްފިއެވެ. ބަލައިލިއިރު ހުރީ، ސާޖިދެވެ. ފައިސަލްގެ ފިޔަވަޅަށް ވަގުތުން ހުއްޓުންއެރިއެވެ.

“ސާޖިދު.”

“ބައްޕާ!” ސާޖިދުގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. މި ހިތްދަތި މަންޒަރާއެކު ފައިސަލްގެ ހިތަށް ތަދުވިއެވެ. ސާޖިދާ ހަތަރުކަޅި ހަމަކުރާން އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އޭނާއަށް އިސްއޮބައިލެވުނެވެ.

“ބައްޕާ! ކީއްވެ…. އަހަރެން ދެކެ ގޭ އެންމެން ރުޅިއައީ؟ ބައްޕާ! ކީއްވެ އަހަރެން ގެއިން ނެރުނީ؟”

ބުނާނެ އެއްޗެއް ފައިސަލަކަށް ނޭނގުނެވެ. އޭނާއަށް އިސްދަށަށް ޖެހިގޮތަށް ހުރެވުނީއެވެ. މަގުމަތީގައި ކޮޅުކޮޅަށް ހިނގާބިނގާވާ މީހުންނާއި، ދުއްވާތަކެތީގެ އަޑެއްބަޑެއް، ލިސާނެއް އެ ދެ މީހުންނަށް ވާހެނެއް ހިޔެއް ނުވެއެވެ.

“ބައްޕާ! އަޅެ ޖަވާބުދީބަލަ! އަހަރެން ގުޅީމަ އެކަކު ވެސް ފޯނެއް ނުނަގާ. މުނީގެ ޚަބަރެއް ވެސް ނުވޭ. ބައްޕާ! މިހެން އަހަންނަށް މި ހެދީ ކީއްވެ؟ ކޮބާ އަހަރެންގެ ކުށަކީ؟” ސާޖިދަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ.

މި ހިތްދަތި މަންޒަރާއެކު، ފައިސަލަށް ވެސް ރޮވިއްޖެއެވެ. އޭނާ ބުނަން ބޭނުންވިއެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. ތިއީ ކުށެއް ނެތް މަޢުޞޫމު ކުއްޖެކެވެ. ދަރިފުޅަށާއި މުނިޔާއަށާއި ނިޔަމްއަށް ލިބެމުން ތި ދަނީ، ކުށެއް ނެތި ލިބެމުން ދާ އަނިޔާތަކެކެވެ.

ފައިސަލަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ދުލެއް ހަރަކާތެއް ނުކުރިއެވެ. އަޑެއް ބޭރެއް ނުވިއެވެ. އޭނާއަށް ކުރެވުނުހައި ވެސް ކަމަކީ، ކުރިއަށް ހިނގައިގަތުމެވެ. ދެ ލޮލުން ކަރުނަ ފޮހެލަމުންނެވެ. ހިތަށް ފަރުވާއެއް ލިބޭތޯ ބޭރަށް ނިކުތުމާއެކު، ދެން ވެސް ލިބުނީ އިތުރު އަނިޔާއެކެވެ.

ފައިސަލް ކުރިއަށް ހިނގައިގަތުމާއެކު، ސާޖިދު ވެސް ފަހަތުން ހިނގައިގަތެވެ. ދެ ލޮލުން ކަރުނަ އޮހޭ ހާލުގައި، އޭނާގެ ސުވާލުތައް ތަކުރާރުކުރަމުންނެވެ. އެހެންނަމަވެސް ފައިސަލް އެނބުރި ބަލައި ވެސް ނުލިއެވެ. އެ ފަދަ ހިތްވަރެއް ނުލިބުނީއެވެ. ވަކި ހިސާބަކަށް ދިޔަ ތަނާ، ސާޖިދުގެ ހަރަކާތްތަކަށް ހުއްޓުން އަރައިފިއެވެ. އެ ހުރި ފިޔަޅުމައްޗަށް ގާވެއްޖެއެވެ.

“ކީއްވެ ތި ހުއްޓުން އެރީ؟ ކީއްވެ އަނގައިން ނުބުނެވުނީ” ވަސީމާ އިނީ ފޯނެއްގައެވެ. އޭނާގެ އަޑާއި ރާގުގައި ހުރީ، ނުރުހުމެވެ. ހިތްހަމަނުޖެހުމެވެ.

“ހުއްޓުން އެރީއެއް ނޫން! ފެނުނު ހުވަފެނެއް މާ ބޮޑުކަމަކަށް ހަދައިގެން އުޅޭތީ ވިސްނައިލެވުނީ.” އެ ކޮޅުން ވާހަކަ ދެއްކީ ސަލީމެވެ.

“ބައެއް ކަހަލަ ހުވަފެނުގެ ތެރެއިން ޙަޤީޤަތް ކަނިލާނެ! އަހަރެން ބޭނުން ތި ހުވަފެން އެނގެން!”

“ވަސީމާ އަދިވެސް ތި އުޅުން ދުލެއް ނުކުރަމު ދޯ! މަ ހީކުރީ…”

“ކަލޭމެން ދެ މީހުންގެ ތި ވިޔާނުދާ އުޅުމަށް ބަދަލެއް އަތުވެއްޖެތަ؟ ތި ދެ މީހުން އެއްތަން ވެއްޖިއްޔާ އަބަދު ވެސް ދައްކާނީ ކޮންމެވެސް އަންހެނެއްގެ ވާހަކަ. އުމުރުން ދުވަސްވެ، ވަޅޯވެފައި އޮތް ބިލަމަގަކަށް ވާ އިރު ވެސް، އެހެން ކަމެއް އޮވޭތަ؟”

“ހަޤީޤަތް ނޭނގި އިނދެ، ތި ކަހަލަ ތުހުމަތު ކުރާކަށް ނުވާނެ! ތަންކޮޅެއް ހަމަޖެހިލައިގެން ގުޅާ! މިހާރު ތި ހުރި ވަރުން ވަސީމާއާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން!” ވަސީމާގެ ބަސްމަގު ހުރި ގޮތުން ސަލީމް ހިތްހަމަނުޖެހުނެވެ.

ސަލީމް ފޯނު ކަނޑާލުމުން، ވަސީމާއަށް ދަތްކުނޑި ވިކައިގަނެވުނެވެ. އެތައް ކަމެއް އެކުވެގެން އޭނާގެ ބޯ ވަނީ ގޮވާފައެވެ. ސިކުނޑި ރަނގަޅަކަށް މަަސައްކަތެއް ނުކުރެއެވެ. ސަލީމަށް ގުޅައިގެން، އެ ފާޑަށް އޭނާއަށް ވާހަކަ ދެއްކުނު ސަބަބަކީ އެއީއެވެ. އެހެންޏާ އޭނާއަކީ އެ ގޮތަށް ސަލީމާ ވާހަކަ ދެއްކި މީހެއް ނޫނެވެ. ސަލީމާއި ފައިސަލް، އެއް މަގަކުން އެއް މަންޒިލަކަށް ދަތުރުކުރާކަމަށް އޭނާގެ ޝައްކުން ކަޅިވެފައިވާ ހިތް ބުނި ނަމަވެސް، ދުވަހަކު ވެސް ސަލީމާ ދިމާއަށް، އެ ކަހަލަ އެއްޗެއް އޭނާ ނުބުނެއެވެ. ސަލީމުގެ ކުރިމަތީގައި ސަލީމަށް އިހިތުރާމް ވެސް ކުރެއެއެވެ. އެހެންކަމުން ސަލީމާ ވާހަކަ ދެއްކުނު ގޮތާމެދު ވިސްނައިލެވުމުން، ދެރަވެ ލަދުގަންނަގޮތް ވިއެވެ.

“މީ ހަމަ ފައިސަލްގެ ކަންތައް. އޭނާގެ ސަބަބުން ވާހައި ގޮތްގޮތް.” ފައިސަލަށް ޓަކައި ވަސީމާގެ ދެ ދަތްޕިލަ ބާރުވިއެވެ. އޭނާ ބޭނުންވަނީ ސަލީމްގެ ކިބައިން މާފަށް އެދޭށެވެ.

ހަނދު މަހުގެ ސޯޅަވިލޭރެއެވެ. އިރުމަތީ ފަރާތުން އަރައިގެން މެދު އުޑަށް ދަތުރުކުރަމުން އައި ބަށްބުރު ހަމަ ހަނދު، ރަނިކަންކުރަމުން ގެންދަނީ މިނިވަންކަމާއެކުގައެވެ. ހާފުސްކޮޅެއްގެ ވިޔަސް އުނދަގުލެއް ތުރާލެއް ނެތިއެެވެ. އޭގެ ފުރިހަމަ ހައިބަތާއެކުގައެވެ. ތަރިތަކުގެ ލަޝްކަރު ވަށައިގެން އެތުރި ކުރުނީސްކޮށްކޮށް ބިއްބެވެ.

މި ގޮތުގައި  ހަނދު ހޭދަކުރަމުން އައި އުފާވެރި ވަގުތަށް ނިމުން އަތުވެއްޖެއެވެ. މެންދަމު ބާރަޖެހުމާ ދާދި ކައިރިވެފައި ވަނިކޮށް، ހުޅަނގު ފަރާތު އުދަރެހުން، ބިޔަ ކަޅު ވިލާގަނޑެއްގެ ބިރުވެރި މޫނު ދައްކާލައިފިއެވެ.  ހަނދާ ދިމާއަށް ކަޅިއަޅައިގަތެވެ. މި މަންޒަރު ފެނިފައި، ގަތް ބިރުން ހަނދު ރޫރޫއަޅައިގަތެވެ. އެއަށް ލިބިފައިވާ މިނިވަންކަމާއި އުފާވެރިކަމަށް ނިމުން، އަންނަ ވަގުތު ކުޑަތަން ވީކަން ކަށަވަރުވުމުންނެވެ.

ހަނދުގެ މިނިވަންކަން ގެއްލިއްޖެއެވެ. ހަނދުގެ އުފާވެރި ހިނިތުންވުމުން ދުނިޔެ މަހުރޫމްކޮށްލައިފިއެވެ. ހަނދުގެ ރިހި ދޯދިތައް ނިވިއްޖެއެވެ. ވިއްސާރަ ވިލާގަނޑުގެ ބާރުގެ ދަށަށް ދުނިޔެ ގެންނާކަށް ގިނަ ވަގުތުތަކެއް ނުނެގިއެވެ. އެއާއެކު ވިލާގަނޑުގެ ބައިވެރިޔާ ބޫންއަޑާއެކު، ހަލުއި ދުވެލީގައި އައިސް ދުނިޔެއާ ހަމަލާދީފިއެވެ. ގަސްތަކާއި ރުއްތައް ބިރުން ރޫރޫލައިގަތެވެ. އެ ތަކެއްޗަށް ކުރާންފެށި އަނިޔާއާއެކު، މުލުންލާން އުޅޭ ކަހަލައެވެ.

ބޯމަތީގައި އޮތް ކަޅު ވިލާގަނޑުގެ ފޫގޮސް، އޮހިގަތް ފެންތައް މުޅި މާލެ ފޯކޮށްލާކަށް ގިނަ އިރުތަކެއް ނުނެގިއެވެ. މަގުމަތީގައި ކޮޅުކޮޅަށް ހަރަކާތެރިވި މީސްތަކުން، އެކި ދިމަދިމާއަށް ގޮސް މަގުތައް ހުސްވެއްޖެއެވެ. ވެހެމުން ދިޔަ ބޮޑެތި ތިކިތަކުގެ ބާރުގެ ދަށަށް ހުރިހައި މަގެއް ގެނެސްފިއެވެ، ކުއްލި ކުއްލިއަށް އަަރައިގަންނަ ތޫނު އަލިކަމާއެކު، މުޅި ދުނިޔެ ފުނޑުފުނޑު ކޮށްލާ ކަހަލައެވެ. އުފާވެރިކަމުގެ އާރުން ފެންވަރަމުން ދިޔަ މި ހިތްގައިމު ރޭ، ވިއްސާރަ ދުއްޕާން ރެއަކަށް ބަދަލުވެއްޖެއެވެ.

ފައިސަލް ހުރީ ކެފޭއެއްގެ އަސްކަންޏެއްގެ ދަށުގައި ތާށިވެފައެވެ. ވެހޭ ބޯ ވާރެެއާއި ޖެހޭ ބާރުވައިގެ ސަބަބުން، އޭނާ ފޯވަމުން ދެއެވެ. ގަޑިން ބާރަ ޖަހަނީއެވެ. ވިދާ ވިދުމާއި ޖަހާ ބާރު ގުގުރީގެ ސަބަބުން، އޭނާގެ ހިތް ވަނީ ބިރުވެރިކަމުގެ ޝިކާރައަކަށް ވެފައެވެ. އަނެއްކޮޅުން ވަގުތު އަޅާ ކޮންމެ ފިޔަވަޅަކާއެކު، އޭނާގެ ހިތުގެ ނުތަނަވަސްކަން އައީ އިތުރުވަމުންނެވެ. ބާރަގަޑި ބަޔަށް ރަސްފަންނަށް ދާން އޭނާއަށް ޖެހެއެވެ. އެންމެ ސިކުންތެއް ވެސް ލަސްވެެއްޖެ ނަމަ، ދެން ކަން ވާނީ ކިހިނެއްކަން ލަފާކޮށްލާން ވެސް ނޭނގެއެވެ.

ބާގަޑި ފަނަރަ ހިނގައިފިއެވެ. ވެހޭ ވާރޭއަކަށް ބަދަލެއް ނާދެއެވެ. ވަދެ ހުރި އަސްކަނިދަށުން ފައިސަލް ނިކުތެވެ. ކޮނޑުގައި ހުރި އަތް ވެސް ނޭނގޭހައި ބޯކޮށް ވެހެމުން ދިޔަ ވާރޭއަށް ބެލުމެއް ނެތި، އޭނާ ކުރިއަށް ހިނގައިގަތެވެ. އަމީނީމަގުން އިރަށެވެ. މަގުގައި ހެދިފައިވާ ފެންގަނޑު ވަނީ ދުވާރު ވެސް އޭގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެހެންކަމުން ފެންގަނޑުގެ ތެރޭގައި އޭނާ ކުރިއަށް ދިޔައެވެ.

ފައިސަލަށް ދެވުނީ ތަންކޮޅަކަށެވެ. ވަރަށް ގަދައަށް ވިދާލައިފިއެވެ. މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ބޯ މަތިން ޖަހާލި ބާރު ގުގުރިއާއެކު، ހީވީ ވަށައިގެން ހުރި އިމާާރާތްތައް ވެސް ކުދިކުދިވެގެން ފޭބިހެންނެވެ. ގަތް ބިރެއްގެ ބޮޑުކަމުން ފައިސަލްއަށް ދުއްވައިގަނެވުނެވެ. އެ ދިޔަ ގޮތަށް ގޮސް، ގެއެއްގެ ދޮރޯށިތެރެއަށް ވަދެވުނެވެ.

ފައިސަލްއަށް ފުރަަތަމަ ވެސް ބަލައިލެވުނީ ގަޑިއަށެވެ. ބާރަގަޑި ފަންސަވީސް ހިނގައިފިއެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. ދެ ބިރަކުން އޭނާގެ ހިތް ކަތިލަމުން ދެއެވެ. ރޫޙާނީ މަޚުލޫޤުގެ އަނިޔާވެރިކަމުގެ ބިރާއި، ކުރާ ދުއްޕާން ވިއްސާރައިގެ ބިރެވެ. އެހެންކަމުން އިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު، އަނެެއްކާ ވެސް އެ ތަނުން ނިކުތެވެ. މަގުގެ އެއް ފަރާތު ދުވާރުމަތިން ފެންގަނޑުތެރޭގައި ހިނގައިގަތެވެ.

ފައިސަލްގެ ހަތަރެސްފައި ރޫރޫ އަޅާވަރުން ކުރިއަށް ދެވޭ ވަރެއް ނުވެއެވެ. ކަރުވައިގެންފައިވާ ހިޔާއި ގެންފައިވާ ބިރާއި ދެ ކަމުގެ ސަަބަބުން މީހާ ވަނީ ގަނޑުވާގޮތްވެފައެވެ. އޭނާ ކުރިއަށް ދިޔައިރު ވެސް، އިރުއިރުކޮޅާ ވިދާލައެވެ. ބޯމަތިންނާއި އަރިއަރިމަރިން ޖަހާ ގުގުރި ހަލުއިވަމުން އާދެއެވެ. ބިރުގަނެއެވެ. ކަންބޮޑުވެއެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ކުރިއަށްދެއެވެ.

މި ހާލަތުގައި، ހިނގޭ އެންމެ ބާރަކަށް އޭނާ ކުރިއަށް ދިޔައެވެ. އިރުއިރުކޮޅުން ގަޑިއަށް ބަލަމުންނެވެ. އެހެންނަމަވެސް ބާރަގަޑި ބައިވާންވާއިރަށް އޭނާއަށް ދެވުނީ، ދިވެހިރާއްޖޭގެ އަޑާ ހަމައަށެވެ. އޭނާ ހިނގަމުން ދިޔައީ، ފުޑްކޯޓާ ވީ ފަޅިންނެެވެ. އެ ސަރަޙައްދު އޮތީ ވަރަށް އަނދިރިކޮށެވެ. މީހެއްގެ ވެސް، ދުއްވާ އެއްޗެއްގެ ވެސް ހިލަމެއް ނެތެވެ.

ބާރަގަޑި ބައިވުމާއެކު، ފައިސަލްގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން އިންތިހާއަށް އެރިއެވެ. އޭނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އޭނާއަށް ގަބޫލުރެވުނީ، އޭނާގެ އަންހެނުންނަށް ނޫނީ ދަރިންނަށް ކޮންމެވެސް ކަހަލަ ގިލަންވެރިކަމެއް ކުރިމަތިވާނެ ކަމަށެވެ. އޭނާއަށް ބޭއިޚުތިޔާރުގައި، އެނބުރި އައި ކޮޅަށް ހިނގައިގަނެވުނެވެ. ހަމަ އެ ވަގުތު ފެންގަނޑުގެ ތެރެއިން އޭނާގެ ދެ ފައިގައި މީހަކު ހިފަހައްޓައިފިއެވެ. އޭނާއަށް ތެޅެގަނެވުނެވެ. އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ.

ގަތް ބިރާއެކު ފައިސަލަށް މަސައްކަތް ކުރެވުނީ ދެ ފައި މިނިވަން ކުރެވޭތޯއެވެ. އެހެންނަމަވެސް އެ ކަމެއް ކާމިޔާބެއް ނުވިއެވެ. ވެހޭ ބޯ ވާރެއާއި ވިދާ ގަދަފަދަ ވިދުވަރާއި ޖަހާ ބާރު ގުގުރީގެ ތެރޭގައި އޭނާއަށް ހުރެވުނީ، ގޮތް ހުސްވެފައެވެ. ބާރަގަޑި ބަޔަށް ރަސްފަންނަށް ނުދެވުމުން، އެ ކަމުގެ ބަދަލު ހިފާން ފެށީކަން އޭނާއަށް ކަށަވަރުވިއެވެ.

“އަހަންނަށް ތި ވަރުގެ ބޮޑު އަނިޔާތަކެއް ނުދީ، އަހަރެން މަރާލަބަލަ!” ފައިސަލަށް ރޮވިއްޖެއެވެ.

ފައިސަލްގެ އެ ޖުމުލައާއެކު، އޭނާގެ ފައި ވީއްލިއްޖެއެވެ. ކުރިއަށް ފިޔަވަޅެއް އެޅިއްޖެއެވެ. އޭނާ ބޭނުންވަނީ ގެއަށް ދާށެވެ. ގޭތެރޭގެ ހާލެއް ބަލާށެވެ. މިހައި ވިއްސާރަ ރެއަކު، އަނބިދަރީން އުޅޭ ހާލެއް ދެކޭށެވެ. އެހެންނަމަވެސް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް އޭނާއަކަށް ނުކެރުނެވެ. އެހެން ހުއްޓާ ކުއްލިއަކަށް އޭނާގެ ހަށިގަނޑު މަޑުމަޑުން މައްޗަށް އަރާން ފަށައިފިއެވެ. ގަތް ބިރެއްގެ ބޮޑުކަމުން އޭނާއަށް ތެޅެގަނެވުނެވެ. ހަތަރެސްފައި ތަޅުވައިގަތެވެ. ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ވެހޭ ބޯ ވާރޭގައި އޭނާގެ އަޑު އޭނާއާ ހަމައިން ހިނދިގެން ހިނގައްޖެއެވެ.

ވަސީމާއަކަށް ނުނިދެއެވެ. ވެހޭ ބޯ ވާރޭގެ ސަބަބުން އެކަންޏެއް ނޫނެވެ. ބާރަގަޑި ބައިވިއިރު ވެސް ފައިސަލް ގެއަށް ނާންނާތީއެވެ. ވަސީމާ ހިތްހަމަނުޖެހިގެން އަނގަތަޅާން ފެށުމުން ގެއިން ނިކުތްގޮތަށް އޭނާ އަދިވެސް ގެއަކަށް ނާދެއެވެ. ފޯނަކަށް ނުގުޅެއެވެ. ބުނަނީ ނިވާލާފައިވާ ކަމަށެވެ. ވަސީމާ ކަންބޮޑުވާންފެށިއެވެ. ހަދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެންމެ ފަހުން އޭނާ ކޮޓަރިން ނިކުތެވެ. މިއޮތް ވިއްސާރަ ރޭ، ގޭގައި ފިިރހެނަކު ވެސް ނެތެވެ. ވަސީމާގެ ހިތަށް ދަތިކަން ލިބުނެވެ.

ވިދުމާއި ގުގުރުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ވެހޭ ބޯ ކެރިގަނޑަކަށް މަޑުޖެހުމެއް ނެތެވެ. ވަސީމާ ކޮަޓަރިން ނިކުމެގެން ގޮސް، މުނިޔާގެ ކޮޓަރީގައި ޓަކިދިނެވެ. ދެތިން ފަހަރަކު ޓަކިޖަހައިލުމުން މުނިޔާ އައިސް ދޮރު ހުޅުވިއެވެ. މުނިޔާގެ މޫނުމަތިން ވަސީމާއަށް ފާހަގަވީ، އޭނާ އަދިވެސް ނުނިދާ އުޅޭކަމެވެ. ނިދީގެ އަސަރެއް އެ ދެ ލޮލަކު ނެތެވެ. ތާޒާކަމެއް ނެތް އެ މޫނާއި ރަތްވެފައިވާ ދެ ލޮލުން ފެންނާން ހުރީ ހިތާމައެވެ. މާޔޫސްކަމެވެ.

“ބައްޕަ އަދި ވެސް ގެއަކަށް ނާދޭ!” ވަސީމާގެ މޫނުމަތީގައި ހުރި ކަންބޮޑުވުން މުނިޔާއަށް ފާހަގަކުރެވުނެވެ.

“ކޮންތާކަށް ދިޔައީ؟” މުނިޔާއަށް އަހައިލެވުނެވެ.

“ފިހާރައަކަށޭ ކިޔާފަ ދިޔަ ގޮތަކަށް ނާދޭ! މިހާރު އެ އޮތް ބާރަގަޑި ބައިވެ ބޮޑުވީ.” ވަސީމާ ގަޑިއަށް ބަލައިލިއެވެ.

އެ ވަގުތު ވަރަށް ގަދައަށް ވިދާލައިފިއެވެ. އެހައިމެ ބާރު ގުގުރިއެއް ޖަހައިފިއެވެ.

“ހާދަ ވަރަކަށޭ ގުގުރަނީ ވެސް. ކޮއްކޮގެ ޚަބަރެއް ބެލިންތަ؟”

މުނިޔާއަކަށް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. އޭނާގެ ދެ ލޮލުން އޮހިގަތީ ކަރުނައެވެ. އެއީ އޭނާ ހާދަ ލޯބިވާ ކޮއްކޮއެކެވެ. އެ ކޮއްކޮއަށް ދެރަ ގޮތެއްވާކަށް އޭނާ ދުވަހަކު ވެސް ނޭދެއެވެ. އެހެންނަމަވެސް މިއަދު ދެ ބޭންގެ ދެމެދަށް ވަދެފައި މި ވަނީ، ދުނިޔޭގެ ދެކޮޅުގެ ދުރުމިނެވެ. ގާތްކަން ކެނޑި، ހަތުރުންނަށް ވީއެވެ. މިއީ ދުވަހަކު ވެސް ވާން އެދޭ ގޮތެއް ނޫނެވެ.

“މަންމަައަށް އެނގޭ ދަރިފުޅަށް ފަސޭހަ ނުވާނެކަން ވެސް.”

“ބައްޕައަށް ގުޅައިފިންތަ؟” ދެ ލޮލުން ކަރުނަ ފޮހެލަމުން މުނިޔާ ބުންޏެވެ. އޭނާ ބޭނުންވީ މަންމަގެ މައުޟޫޢު ބަދަލުކޮށްލާށެވެ. އެއީ އޭނާގެ ހިތުގައި ޒަހަރުލާ މައުޟޫޢެކެވެ.

“އާނ! ވަރަށް ގިނަ ފަހަރު ގުޅައިފިން. ފޯނު ނިވާލާފަ އޮތީ.”

“ކިހިނެއްވީބާ އަނެއްކާ؟”

“ދެން ކިހިނެއް ހަދާނީ؟” ވަސީމާގެ ކަންބޮޑުވުން އިތުރުވާން ފެށިއެވެ. ފައިސަލް ގެއިން ނިކުމެގެން ދިޔައީ އޭނާއަށް ފެށުނު ވާހަކައެއްގެ ސަބަބުންނެވެ.

“ވާރޭގައި ޖެހިގެން ނާދެވިފައި ހުރީ ކަމަށް ވެސް ވެދާނެއެއްނު!” އިރުކޮޅަކު ވިސްނައިލަން ހުރެފައި މުނިޔާ ބުންޏެވެ.

“އާނ! ތިހެން ވެސް ވެދާނެ! ފޯނު ވެސް ނިވުނީކަންނޭނގެ ދޯ! ފޯނު ބާވެގެން މިހާރު ވަރަށް އަވަހަށް ޗާޖު ވެސް ހުސްވޭ.”

“އެހެންވިއްޔާ ފޯނު ނިވުނީކަމަށް ތި ވާނީ. ވާރޭ ތުނުކޮށްލީމަ އަންނާނެކަންނޭނގެ! ގޯސްކޮށް ނުވިސްނާ!”

މުނިޔާއާ ވާހަކަ ދައްކާލެވުމުން ވަސީމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ ކޮޓަރިއަަށް ވަދެ، އަނެއްކާ ވެސް ފައިސަލަށް ގުޅޭތޯ ބެލިއެވެ. ބުނަނީ ނިވާލާފައި އޮތް ކަމަށެވެ. އޭނާ ފާޚާނާއަށް ވަދެފައި އައިސް އެނދުގައި ޖައްސާލިއެވެ. ބޭނުންވަނީ ނިދައިލާށެވެ. ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.

މުނިޔާގެ ގެއިން ނެރުމުން، ސާޖިދު ދިޔައީ އޮފީސް މީހެއްގެ ގެއަށެވެ. އޭނާ އޮތީ، އެ ގޭ ކޮޓަރިއެއްގައެވެ. ނިދާން އޮށޯވެ އޮތެއް ކަމަކު އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ވިސްނެނީ މި ދިމާވި ކަންތައްގަނޑާމެދުގައެވެ. ކުރީ ފަހަރު އޭނާ ދެކެ މައިދައިތަ ރުޅިއައީ ކީއްވެކަން އޭނާއަށް އެނގެއެވެ. އެ ފަހަރު އޭނާއަށް ވަނީ ކޮންމެ ގޮތެއްގައި ނަމަވެސް ކުށް ކުރެވިފައެވެ. އެ ފަހަރު އޭނާއަށް ލިބުނު ހިތާމަ މިއަށްވުރެ ކުޑައެވެ. މުނިޔާ ހުރީ އޭނާގެ ފަޅީގައި ކަމަށް ވާތީއެވެ. އެހެންނަމަވެސް މި ފަހަރު އޭނާގެ ހިތް ވަނީ ކަތިލެވިފައެވެ. އެ ހިތުން ލޭ އޮހެމުންދެއެވެ. މި ވަރުގެ ބޮޑު ހިތާމައެއް ލިބޭންވީ ސަބަބެއް ނޭނގޭތީއެވެ. ކުރެވުނު ކުށެއް ނުވިސްނޭތީއެވެ. ވީނުވީއެއް ނޭނގި އެންމެން ރުޅިއައިމައެވެ. މުނިޔާ ވެސް ރުޅިއައީއެވެ. ބައްޕައަކަށް ވުމުގެ އުފާވެރި ޚަބަރާއެކު މި ލިބުނީ ކޮން ފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ ސާޖިދުގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ.

ވެހެމުން ދާ ބޯ ވާރޭ ކޮންމެވެސް ވަރަކަށް ތުނިކޮށްލައިފިއެވެ. ސާޖިދު ގަޑިއަށް ބަލައިލިއެވެ. ދެ ގަޑި ބައިވަނީއެވެ. ކިތަންމެ ފިނި ރެއަކަށް ވިޔަސް، އޭނާގެ ލޮލަކަށް މި ރެއަކު ނިންޖެއް ނާދެއެވެ. ހިތުގެ އުދާހަކަށް ފިނިކަމެއް ނުލިބެއެވެ. އިރުއިރުކޮޅުުން އޭނާއަށް ބަލައިލެވެނީ ފޯނަށެވެ. މުނިޔާގެ މެސެޖެއް ނަމަވެސް ލިބިފައި ވޭތޯއެވެ. ނިޔަމްއަށް ވެސް ގުޅައިލަން ބޭނުންވެއެވެ. އެހެންނަމަވެސް ނުކެރެއެވެ. ރުއިން ނޫން ކަމެއް ނުކުރާތީއެވެ. އެ ފަކީރު ވެސް ހާދަ ހިތާމައެއް ކުރެއެވެ. ސުވާލުފުންޏެއްގެ މެދުގައި ތާށިވެ ހުރެއެވެ. ކައި އެއްޗެއް ކެއީ ވެސް އެތައް ވަރަކަށް ސާޖިދު ކިޔައިގެންނެވެ.

ވަށައިގެން ފެންނާން ހުރީ ބިޔަ ގަސްތަކާއި ކުދި ގަސްތަކެވެ. ވެހޭ ވާރެއިން ގަސްތައް ވަނީ ތެމިފޯވެފައެވެ. ޖެހޭ ވައިރޯޅިއާއެކު، ގަސްތައް އިރުއިރުކޮޅާ ހަށިފޮޅާލައެވެ. ފަތްތަކުގައި އޮޅުލައިގަނެގެން ތިބި ފެންތިކިތައް ވައިގެތެރެއަށް ބުރުވާލައެވެ. މުޅި ސަރަޙައްދަށް ވެރިވެފައިވަނީ ނާމާންކަމާއި އަނދިރިކަމެވެ.

ވިދާލާ ގަދަފަދަ ވިދުވަރާއެކު، މުޅި ތަނަށް އަލި އަރައިގެން ދިޔައެވެ. އެ ވަގުުތު ފެނުނީ، ގަސްތަކުން ފައިބާފައިވާ ފަތާއި ކުނިބުނީގެ މަތީގައި ވެއްޓިފައި އޮތް އިންސާނެކެވެ. އެ މީހަކު އޮތީ ބަނޑުވަތަށް ކަހަލަ ގޮތަކަށެވެ. ވިދާލާ ކޮންމެ ފަހަރަކު އޭނާގެ ހަމަހިމޭން ހަށިގަނޑު ފާޅުވެއެވެ.

އިރުކޮޅަކުން އެ މީހާއަށް ހަމަހޭވެރިކަން އަންނާން ފަށައިފިއެވެ. ހަރަކާތް ހުސްވެފައިވާ ހަށިގަނޑަށް ހަރަކާތް އަންނާން ފަށައިފިއެވެ. މަޑުމަޑުން އޭނާ ތެދުވެއްޖެއެވެ. ވިދާލި ވިދުވަރުގެ އައްޔާއެކު މޫނު ފެނިއްޖެއެވެ. އެއީ ފައިސަލް ފިޔަވައި ދެވަނަ މީހެއް ނޫނެވެ.

ދެ ލޯ ހުޅުވައިލެވުމާއެކު އޭނާއަށް ފެނުނީ، ބިރުވެރި ޖަންގައްޔެކެވެ. މިދާ ގުގުރަމުން ދާ ވިއްސާ ރެއަކު، ބިޔަ ގަސްތަކެއްގެ ދަށުގައި، ފަތާއި ކުނިބުނިން ފުރިފައިވާ، ތެތް ބިމެއްގައި އޮވެވުނުކަން އިހުސާސް ކުރެވުމާއެކު، އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ދެ ލޯ ބޮޑުކޮށްފައި، ވަށައިގެން އެކި ދިމަދިމާއަށް ބަލާންފެށުނެވެ.

މުޅި ތަނަށް ވެރިވެފައި ވަނީ ކަޅު އަނދިރިކަމެވެ. ވިދާލާ ވިދުވަރުގެ އަލި ފިޔަވައި، އައްޔެއް އަލިކަމެއް ލިބޭ ތަނެއް ނެތެވެ. ފައިސަލް ބިރުން ރޫރޫއަޅާ ހާލު މަޑުމަޑުން ތެދުވިއެވެ. ހިނގައިގަންނާނެ ދިމާއެއް އޭނާއަކަށް ނޭނގުނެވެ. މި ހުރެވުނީ ކޮންތަނެއްގައި ބާވައެވެ؟ މި ތަނަށް އާދެވުނީ ކިހިނެއް ބާވައެވެ؟

ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ފައިސަލް ސިހުނެވެ. ފެނުނު މަންޒަރަކުންނެވެ. އޭނާގެ ކުރިމަތީގައި އޭނާއަށް ފުރަގަސް ދީގެން ހުރި އަންހެން ކުއްޖަކު ފެނިފައެވެ. ބޮލުގެ އިސްތަށިގަނޑު އެގޮތްމިގޮތަށް ހޭވިފައިވާ އެ ކުއްޖާއަކީ އިސްކޮޅުން ކުރު ކުއްޖެކެވެ. ހިމަތޮޅި ކުއްޖެކެވެ. އެ ކުއްޖާ ފެނުމާއެކު، ފައިސަލަށް އަވަސްއަވަހަށް ފަހަތަށް ޖެހެވުނެވެ. އެ ކުއްޖާ ކަޅު ހިޔަންޏެއްގެ ސިފައިގައި، އޭނާއަށް ފެންނާން ހުއްޓެވެ. ފައިސަލަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިއީ ކާކު ބާވައެވެ؟ ކޮން އަންހެން ކުއްޖެއް ބާވައެވެ؟ މި ކުއްޖަކު މި ތަނުގައި މި ކުރަނީ ކީއް ބާވައެވެ؟

އިރުކޮޅަކު ވިސްނައިލާން ހުރެފައި، ފައިސަލް މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އޭނާ ބޭނުންވަނީ، އެ ކުއްޖާއާ ވާހަކަ ދައްކާށެވެ. ކޮން ކުއްޖެއްކަން އޮޅުންފިލުވާށެވެ. މިހައި ވިއްސާރަ ރެއަކު މި ތަނަށް އަައިސް އެ ހުރީ ކީއްކުރަންތޯ ދެނެގަންނާށެވެ.

“ތީ… ތީ ކޮން ކުއްޖެއް؟” ހީކަރުވާފައި ހުރިލެއް ބޮޑުކަމުން ފައިސަލަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ.

ފައިސަލްގެ ސުވާލަކަށް އެ ކުއްޖާގެ ކިބައިން ޖަވާބެއް ނުލިބުނެވެ. އެ ހުރި ފިޔަވަޅުމަތީގައި ގުޑުމެއް ވެސް އަރުވައިނުލައި ހުއްޓެވެ. ފައިސަލް އަނެއްކާ ވެސް އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ.

“މި ތާނގައި ކީއް ތި ކުރަނީ؟” އެ ކުއްޖާއާ ފަސްވަރަކަށް ފޫޓަށް ކައިރިވެފައި، ފައިސަލް މި ފަހަރު ސުވާލުކޮށްލިއެެވެ. އޭރު ވެސް އޭނާގެ މޭ ޑަންޑަންލާފައި ތެޅެއެވެ.

މި ފަހަރު ވެސް އެ ކުއްޖާގެ ފަރާތުން ޖަވާބެއް ބުލިބުނެވެ. އެ ހުރި ފިޔަވަޅުމަތިން ކުޑުމެއް ވެސް އަރުވައި ނުލައެވެ. ހީވަނީ އެ ތަނުގައި ބަހައްޓާފައި ހުރި ބިރުވެރި ބުދެއް ހެންނެވެ.

ފައިސަލްގެ މޭ ތެޅެމުން ދެއެވެ. ނެގިނެގިފައި ޖެހެނީ ވަރަށް ބާރަށެވެ. އޭނާގެ ހިތް އޭނާއަށް ވިސްނައިދެނީ ވަރަށް ގޯސްކޮށެވެ. އެއީ އަންހެން ކުއްޖެއްގެ ސިފައިގައި ހުއްޓަސް، އިންސާނެއް ނޫނެވެ. އެއީ ނުބައި މަޚުލޫޤެެކެވެ. އޭނާއާ ކައިރި ނުވާށެވެ. ތި ތަނުން އަވަހަށް ދުރަށް ދާށެވެ.

ފައިސަލް މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅާންފެށިއެވެ. އެ ކުއްޖާއާ ދުރަށެވެ. އެހެންނަމަވެސް އޭނާގެ ކަޅި ހުއްޓިފައި ހުރީ އެ ކުއްޖާއާ ދިމާއަށެވެ. ހައެއްކަ ފިޔަވަޅު ފަހަތަށް އެޅިތަނާ ކޮންމެވެސް އެއްޗެއްގައި ފައި ޖެހިއްޖެއެވެ. އެނބުރި ފަހަތަށް ބަލައިލެވުނެވެ. އޭނާ ގޮސް ޖެހުނީ އެ ތަނުގައި ހުރި ބިޔަ ގަހެއްގައެވެ. އޭނާ އަވަސްއަވަހަށް ކުރިމައްޗަށް ބަލައިއެވެ. އެ ވަގުތު ލިބުނު ސިހުން ވަރަށް ބޮޑުވިއެވެ. އަންހެން ކުއްޖާ ފެންނާން ނެތީމައެވެ. ފައިސަލަށް އަވަސް އަވަހަށް ވަށައިގެން އެކި ދިމަދިމާއަށް ބަލާންފެށުނެވެ. އެ ކުއްޖާ ފެންނާކަށް ނެތެވެ. ފައިސަލްގެ ހިތުގެ ބިރުވެރިކަން ވަކިން ބޮޑުވިއެވެ. ސިހިސިހި ހުރެ އޭނާއަށް އަދިވެސް ބެލެނީ އެ ކުއްޖާ ފެނޭތޯއެވެ.

އެ ހުރި ފިޔަވަޅުމަތީގައި ގުޑުމެއް ވެސް އަރުވާލަން ނުކެރިފައި ފައިސަލް ހުއްޓާ، ހަމަ ކުއްލިއަކަށް، މަތިން އޭނާގެ ކުރިމައްޗަށް އެކޮޅުކޮޅުން ކުއްޖަކު ތިރިއަށް އެލިއްޖެއެވެ. އޭނާއަށް މޫނު ފެންނަ ގޮތަށެވެ. އެ ވަގުތު ލިބުނު ކުއްލި ސިހުމާއެކު ފައިސަލަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް އެ ކުއްޖާގެ މެރިފައިވާ ދެ ލޮލާއި ފެން ދެމިފައިވާ މޫނު ފެނުނެވެ. އެ މޫނު ފެނުމާއެކު، ދެން ލިބުނު ސިހުން އަދި ވަކީން ބޮޑުވިއެވެ. އޭނާ އަވަސް އަވަހަށް ދުއްވައިގަތެވެ.

ދެވުނީ ތަންކޮޅަކަށެވެ. ކުރިމަތިން އެ އަންހެން ކުއްޖާ ފެނިއްޖެއެވެ. މި ފަހަރު އެ ކުއްޖާ ހުރީ ފައިސަލާ ކުރިމަތި ލައިގެންނެވެ. އޭނާގެ މޫނުމަތި ހުރީ ކަޅުވެފައެވެ. ހީވަނީ ދިލަޖެހި، އަނދާފައި ހުރި މޫނެއް ހެންނެވެ. ދެ ލޮލުގެ ވަށައިގެން ވަކިން ބޮޑަށް ކަޅުވެފައި ހުއްޓެވެ. ދެ ލޮލުން ރޮނގަކަށް ފައިބާފައި ހުރި ކަރުނަ ވެސް ހުރީ ދެލިކުލައިގައެވެ. ރުޅިވެރިކަމުން އަނދައަނދާ ހުރި އެ މޫނު ފެންނަނީ ހުތުރު، ބިރުވެރި ސިފައަކަށެވެ.

ފައިސަލަށް އަނެއްކާ ވެސް އެނބުރި އައި ކޮޅަށް ދުއްވައިގަނެވުނެވެ. ވަކި މަންޒިލެއް ނެތި އޭނާ ދުވަމުން ދިޔައެވެ. ވަކި ހިސާބަކަށް ދިޔަތަނާ، ކޮނެފައި ހުރި ވަޅުގަނޑެއް ކަހަލަ ތަނަކަށް އޭނާ ވެއްޓި ޖެހިއްޖެއެވެ. ބަނޑު ވަތަށެވެ. ޖެހުނުލެެއް ބާރުކަމުން ހިރިނުލެވިފައި އޮއްވާ، ކޮންމެވެސް މީހަކު އޭނާގެ ލަފުގައި ހިފައި ނަގައިފިއެވެ. އޭރު އޭނާގެ ކުރިމަތީގައި ހުރީ، ބިޔަ ކަޅު ހިޔަންޏެކެވެ. ވިދާލި ވިދުވަރާއެކު އޭތީގެ މޫނު ފައިސަލަށް ފެނުނެވެ. އެ ވަގުތު ފައިސަލް ބިރުން ތުރުތުރުއަޅައިގަތެވެ. ލިބުނު ސިހުމުގެ ބޮޑުކަމުން ނުވެއްޓުނީ ވެސް ހަމަ ކިރިޔާއެވެ.

އެ ފަދަ ބިރުވެރި ސޫރައެއް މީގެ ކުރިން އޭނާ ދުވަހަކު ވެސް ނުދެކެއެވެ. އޭތީގެ ބޮލުގެ މެދުން ތަލަވެފައިވާ އިރު، ބޮލުގެ ދެ ފަރާތުގައި ފަޅާފައި ހުރި ރިހިކުލައިގެ އިސްތަށިކޮޅު އޮތީ ކޮނޑުމައްޗަށް ވިހުރިފައެވެ. ދެ ފަރާތު ބުމައާ ދިމާއިން މަތީގައި ދެ ދަޅު ފަޅާފައި ހުއްޓެވެ. މަށިކުލައިގެ އެ މޫނުމަތީން ފައިސަލަށް ފެނުނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ނިތްމަތި ހީވަނީ ލޭ ކޮށިފައި ހުރިހެންނެވެ. ބޮޑުވެފައި ހުރި ދެ ލޯ ހުރީ ދިމާ ރަތްކުލައިގައެވެ. ދެ ލޮލުން ލޭ އޮހޭ ކަހަލައެވެ. ދެ ކަންފަތް ދިގެވެ. ނޭފަތެއް ނެތެވެ. ހުރީ ހޮނޑެކެވެ. ދެ މިޔަކަނުން އިރިފައި ވާ ބޮޑު އަނގައިގައި ހުރި ތޫނު ދަތްތައް ހުރީ ބޭރަށް ނިކުމެފައެވެ. ހަށިގަނޑު ބިޔަވެފައި ކަޅެވެ. ކެހެރި ބޮލެވެ. މި ބިރުވެރި ސޫރަ ފެނިފައި ފައިސަލް ހުރީ ބިރުން އަވަދިވެފައެވެ. ދެ ފައިން ވާގިދާން އުޅޭހެން ވެސް ހީވެއެވެ.

“ވާ ގޮތް ފެނޭތަ؟” އެ އެތީގެ ބިރުވެރި އަޑުން އެ ހިސާބު ގުގުމައިލިއެވެ. ފައިސަލަށް ދެ ކަންފަތްމަތީގައި އަތް އެޅުނީ ބޭއިޚުތިޔާރުގައެވެ.

ގެންފައިވާ ބިރެއްގެ ބޮޑުކަމުން ހީވަނީ ވެއްޓިދާނެ ހެންނެެވެ. އޭނާ ބޭނުންވަނީ އެ ތަނުން ދުވެ ފިލާށެވެ. އެ އެތީގެ ހަމަލާއެއް އައުމުގެ ކުރިން ސަލާމަތްވާށެވެ. އެހެންނަމަވެސް އޭނާއަަށް ކުރިއަކަށް ވެސް، ފަހަތަކަށް ވެސް ފިޔަވަޅެއް ނޭޅުނެވެ. ވެފައިވާ ވަރުބައްޔާއި ގެންފައިވާ ބިރާއި ބަނޑުހައި ހޫނުކަން ވަނީ އިންތިހާއަށް އަރާފައެވެ.

“ކޮންކަމަކާ މާ ވަރަކަށް ތި ދުވުނީ؟” އެ އެތީގެ އަޑުގައި ހުރީ މަލާމާތުގެ ރާގެކެވެ. “ކަމަކަށް ވާ ކަހަލަ ކަމެއް ފެނިއްޖެއްޔާ ހާދަ ވަރެއް ވާނެއޭ ދޯ! އެ ކުއްޖާއެއް ނުދަންނަންތަ؟”

މި ފަހަރު ވެސް ފައިސަލަކަށް އަނގައަކުން ނުބުނެވުނެވެ. ހަމަ ނުބުނެވުނީއެވެ.

“އެއީ ކޮން ކުއްޖެއްކަން އެނގޭތަ؟”

ދެ ލޯ ބޮޑުކޮށްގެން އެ ބިރުވެރި މަޚުލޫޤާދިމާއަށް ބަލަހައްޓައިގެން ފައިސަލް ހުއްޓެވެ.

“އެއީ ކޮން ކުއްޖެއަކަން އެނގޭހޭ؟” ފައިސަލް އަނގައިން ނުބުނެ ހުންނާންފެށުމުން، ގަދަފަދަ އަޑުން އެ އެތި ހަޅޭއްލަވައިގަތެވެ.

“ނެ… ނެ… ނޭނގޭ!” ވަރަށް ހިތްވަރުކޮށްފައި ވެސް ފައިސަލަށް ޖަވާބު ދެވުނީ ވަރަށް ކުރުކޮށެވެ.

“ނޭނގެއޭ؟” އެ އެތީގެ ހަރު އަޑުން ސުވާލުކުރިއެވެ.

ކުއްލިއަކަށް ފައިސަލްގެ ކަރަށް ބާރުވާން ފަށައިފިއެވެ. ހީވީ މީހަކު ކަރުގައި ބާރަށް ހިފިހެންނެވެ. އޭނާއަށް ދެ އަތުން ކަރުގައި ހިފެހެއްޓުނެވެ. ކަރަށް ދުލެއް ލިބޭތޯއެވެ. އެހެންނަމަވެސް އެކަމެއް ނުވިއެވެ. އޭގެ ބަދަލުގައި، އޭނާ މަޑުމަޑުން އަރާން ފެށީ މައްޗަށެވެ. ކުރިމަތީގައި ހުރި ބިރުވެރި ސޫރަ މި މަންޒަރު ބަލަން ހުއްޓެވެ. އޭނާއަށް ގޯނާކުރަމުން އެ ދަނީ އަދި އެހެން މަޚުލޫޤެކެވެ.

“ނޭނގޭތަ ކާކުކަމެއް؟” އަނެއްކާ ވެސް އޭތީގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“ނުން! އެނގޭ!” ކަރަށް ބާރުވެފައި ހުރިލެއް ބޮޑުކަމުން ފައިސަލަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.

ކުއްލިއަކަށް ފައިސަލް ވީއްލިއްޖެއެވެ. އެއާއެކު ފަސްވަރަކަށް ފޫޓުމަތިން އޭނާ ބިމަށް ވެއްޓުނެވެ. އޭނާ އަވަސްއަވަހަށް ތެދުވިއެވެ. ތަދުވިޔަސް، އެއަށްވުރެ ބޮޑު ބިރުވެރިކަމެއްގެ ކުރިމަތީގައި ހުންނާން ޖެހިފައިވުމުން، ތަދު އިހުސާސެއްް ނުވިއެވެ.

“ކާކު؟ ބުނޭ އެއީ ކާކުކަން؟”

“އެއީ… އެއީ…” ފައިސަލަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އެއީ މަގޭ އަންހެނުން. މަ ވަރަށް ލޯބިން ގެންގުޅުނު މަ ވަރަށް ލޯބިވާ އަނތްބެއް އެއީ. އެނގިއްޖެތަ؟”

އެ އެތީގެ ޖުމުލަ އިވިފައި، ފައިސަލްގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން އިންތިހާއަށް އެރިއެވެ. އޭނާއަށް އެ ވާހަކަ ގަބޫލުކުރަން ވެސް ދަތިވިއެވެ.

“މަގޭ އަންހެނުންނާ މަށާ އަބަދަށް ވަކިވެ ހިނގައްޖެ! އޭނާ ދުނިޔެ ދޫކޮށް ހިނގައްޖެ! އަހަރެން އެކަނި ވެއްޖެ! އަހަރެންގެ ދަރިފުޅު ނިކަމެތި ވެއްޖެ! އެނގޭތަ ކީއްވެކަން؟” އަނެއްކާ ވެސް އޭތީގެ އަޑު ބާރުވިއެވެ. “އެ ކަމުގެ ޒިންމާ ނަގަންޖެހޭނީ ކާކުކަން އެނގޭތަ؟”

“ނު… ނޫން!”

“ނޭނގެއޭ؟” އެ އެތީގެ ބާރު އަޑާއެކު ފައިސަލްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އަރައިފިއެވެ. ވީ ތަދާއެކު އެނބުރުން އަރައިގެން ނުވެއްޓުނީ ކިރިޔާއެވެ. މި ފަހަރު ވެސް ހަމަލާ އައީ، ކުރިމަތީގައި ހުރި މަޚުލޫޤުގެ ފަރާތަކުން ނޫންކަން ފައިސަލަށް އެނގުނެވެ.

“ސާބަސް ދަރިފުޅާ!” އެ އެތި ނުބައި ފާޑަކަށް ހޭންފެށިއެވެ. “މަގޭ ދަރިފުޅު މިހާރު ބޮޑު މީހަކަށް ވެއްޖެ!” އޭތި ކުރިއަށް ޖެހިލިއެވެ. ފައިސަލާ ދެތިން ފޫޓަށް ކައިރިވެލިއެވެ. “ނޭނގެއޭ ކިޔައިގެން ތިޔަ ދޮގުހަދަނީ، ކާކަށް އޮޅުވާލަންކަމަށް؟ ކަލޭ ހީކުރީ މަށަށް އެއްވެސް ކަމެއް ނޭނގޭނެ ކަމަށް؟”

ފައިސަލް މިހާރު ހަމަހޭގައި ހުރިކަމެވެ. އޭނާއަކަށް ވާނުވާއެއް ނޭނގެއެވެ. ސިކުނޑީގެ މަސައްކަތް ކުއްޓިފައި ހުރި ކަހަލައެވެ.

“މި ރޭ އަަހަރެން ހުރިހައި ވާހަކައެއް ކަލެއަށް ކިޔައިދޭނަން. ރަނގަޅަށް އަޑުއަހާ!” އޭތި ފައިސަލަށް ވާހަކަ ކިޔައިދޭން ފެށިއެވެ.

“އެއީ މީގެ ތިން އަހަރެއްހައި ދުވަސް ކުރި. ކަޅުފޮއި ރެއެއްގެ ދެ ނަމާދުދޭތެރޭގެ ވަގުތު. އާދައިގެ މަތިން އެ ރޭ ވެސް އަހަރެން ދުނިޔެއަށް ފޭބީ އިންސާނުން އުޅޭނޫޅޭ ގޮތް ބަލައިލައި، ފޫހި ފިލުވައިލައި، އެކުވެރިންނާއެކު މަޖާކޮށްލުމަށް ޓަކައި. މާލެ މަތިން އައިސް އަހަރެން ތިރިކޮށްލީ، ވިލިނގިލީ އަތިރިމައްޗަށް. އެތާނގައި ހުންނަ ގަސްތައްކައިިރިއަށް. އެއީ ވަރަށް ތަފާތު މަންޒަރުތައް ފެންނަ މާހައުލަކަށްވާތީ.

އެ ރޭ ވެސް އެ ތަނުން ގަހެއްގެ ދަށުގައި ދެ މީހަކު ތިއްބާ އަހަންނަށް ފެނުނު. އަހަރެން ގޮސް އެ މީހުންގެ ގާތުގައި މަޑުކޮށްލިން. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްކަން އެނގުނީ އެ މީހުން ގާތަށް ދިޔުމުން. އެ ދެ ކުދިން ތިބީ ވަރަށް ގައިގޯޅިކޮށް. އެ މީހުންގެ އަމަލުތައް ވަރަށް ގާތުގައި ހުރެ އަހަރެން ބަލަމުން ގެންދިޔައިން. އިރުކޮޅަކުން އެ އަންހެންކުއްޖާގެ ހަށިގަނޑުން ބައެއް އަހަންނަށް ފެނުނު. އެ މަންޒަރު ފެނުމާއެކު އަހަންނަށް އެ ކުއްޖާ ވަރަށް ކަމުދިޔަ. ވަރަށް ގަޔާވެއްޖެ. އެހެންކަމުން އަހަރެން ވަގުުތުން ނިންމީ، އެ ކުއްޖާ އަހަރެންގެ އަނތްބަކަށް ހަދަން. ހަދާނޭ ގޮތަކާމެދު އަހަރެން ވަރަށް ފުންކޮށް ވިސްނާފަ ހިތަށް އެރީ، އެ ފިރިހެން ކުއްޖާ އެ ތަނުން ދުރަށް ފޮނުވާލަން.”

“އައްދޯތް މަރީ! ތަދުވެއްޖޭ!”

“ކިހިނެއްވީ؟” މަރީ އަވަސްއަވަަށް އެހިއެވެ. އޭނާއަކަށް ވީގޮތެއް ނޭނގެއެވެ.

“ކިހިނެއްހޯ ވީ؟ ތި ވިކައިގަތީނު!” ތަދުވި ވަރުން ހަނީފު ގާތަށް ރުޅިއައެވެ.

“މަށެއް ނުވިކަން.” މަރީ ހީނގެންފައި، އަނެއްކާ ވެސް ހަނީފާ ކައިރިވެލައި، ދެ ކޮނޑަށް ދެ އަތް ވައްޓާލިއެވެ.

“އައްދޯތް މަރީ! ތަދުވެއްޖޭ!” މަރީގެ މޭގައި އަތްއަޅައި ކޮއްޕާލަމުން ހަނީފަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ކުއްލިއަކަށް ކޮއްޕާލުމުން މަރީ ގޮސް މަޑު ފަސްގަނޑުގެ މައްޗަށް އިދިފުށަށް ވެއްޓުނެވެ. އޭރު ހަނީފު ހުރީ، ބޮނބިފަޅިމަތީގައި އަތް އަޅައިގެންނެވެ. ވިކައިގަތް ތަނުން ދިލަ ނަގާތީއެވެ. ހީވަނީ އެ ދިމާ ކަނޑައި ނަގައިފައި ހުރިހެންނެވެ.

“ކިހައި ބޮޑުކަމެއް!” މަރީ ތެދުވަމުން، ހަނީފުގެ މޫނަށް ވެލި މުށެއް ޖެހިއެވެ. މަރީ ހުރީ ރުޅިއައިސް ރަތްވެފައެވެ.

“ލޮލަށޭ ތި ވެލި ޖެހީ!” ހަނީފު މޫނުމަތީގައި އަތްއެޅިއެވެ. އޭނާ ލޯ އުނގުޅާންފެށިއެވެ.

“ކަލެއަކަށް ނުޖެހޭނެ އަހަރެން ކޮއްޕާ ވައްޓައިލާކަށް!”

ލޯ ހުޅުވާލެވޭވަރުވެގެން ހަނީފު ލޯ ހުޅުވާލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ، ގަސްދޮށުގައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި މަރީ ކައިރީގައި، ބިރުވެރި ސޫރައެއް ހުއްޓައެވެ. ބިޔަ ކަޅު ހަށިގަނޑެކެވެ. ރަތް ދެ ލޮލެވެ. އަނދިރީގައި ހުރުމުން، މާ ރަނގަޅަކަށް ސިފަ ވަތްކެއް ނުވެއެވެ. އެ މަޚުލޫޤު ފެނިފައި ގަތް ބިރެއްގެ ބޮޑުކަމުން، ހަނީފަށް އަނގައިން ވެސް ނުބުނެވުނެވެ. އޭނާ ވަގުތުން ދުއްވައިގަތެވެ. މަރީ ހުރީ ވާނުވާ ނޭނގިފައެވެ.

ހަނީފު ދިޔުމުން މަރީ ކުރިއަށް ހިނގައިގަތެވެ. އޭރުވެސް އޭނާ ހުރީ ހަނީފު ކަންތައްކުރިގޮތުން ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އެ ރުޅިގަނޑު މަތީގައި ތަންކޮޅަކަށް ދިޔަތަނާ، ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. މަރީ ބަލައިލިއެވެ. އޭނާއަށް ފެނުނީ، އެ މީހުން ތިބި ގަހާ ޖެހިގެން ހުރި ގަސް ދޮށުގައި މީހަކު ހުރިތަނެވެ. ފެނުމާއެކު އެއީ ފިިރިހެނެއްކަން އެނގުނެވެ.

މަރީއަކީ ރައްޓެހި ފިރިހެން ކުދިން ގިނަ ކުއްޖެކެވެ. އެހެންކަމުން އޭނާ އެނބުރި ހިނގައިގަތީ އެއީ ދަންނަ މީހެއްކަމަށް ބަލާފައެވެ. އޭނާ އެ ފިރިހެން ކުއްޖާގެ ގާތަށް ގޮސް ރަނގަޅަށް ބަލައިލިއެވެ. އެއީ ދަންނަ މޫނެއް ނޫނެވެ. އެކަމަކު ރީތި މޫނެކެވެ. ބިޔަ ހަށިގަނޑެކެވެ. މަރީއަށް އެންމެ ކަމުދާ ކަހަލަ ފިރިހެނެކެވެ.

“ހާދަ މައްސަލަ ބޮޑުކޮށްލައިގެން ތި އުޅެނީ.” އެ ޒުވާނާ ހިނިތުންވެލަމުން މަރީގެ މޫނަށް ބަލައިލިއެވެ.

“ތީ ކާކު؟ ނޭނގުނު!” މަރީ ވެސް ހުރީ ހިނިތުންވެލައިގެންނެވެ.

“މިހިރީ ފެންނާކަށްނު!” ޒުވާނާ ދެ އަތް ފުޅާކޮށްލަމުން މަރީގެ މޫނަށް ބަލައިލިއެވެ. “ދުވެފައި އެ ދިޔައީ ކާކުތަ؟ ބޯއިފްރެންޑް؟”

“މަގޭ ނުހުންނާނެ ބޯއިފްރެންޑެއް!” އެ ޒުވާނާގެ މޫނު ފުރަތަމަ ފެނުނު ވަގުތުން ފެށިގެން އޭނާގެ ހިތް އެ ޒުވާނާގެ މައްޗަށް ލެބިއްޖެކަން މަރީއަށް އެނގެއެވެ.

“ދެން މިތާ؟”

“ހަމަ ތިބީ. އެއީ ވަރަށް ފޫހި މީހެއް!

“މަށަށް ކިޔަނީ ފަވާޒު! ތީ މަރީ ދޯ؟”

“އާނ! ކިހިނެއް އެނގުނީ؟”

“ތީ ވަރަށް ރީތި ނަމެއް! މަރީ ވެސް ވަރަށް ރީތި!” މަރީގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ފަވާޒު ކުރީ ތައުރީފެވެ.

“ޝުކުރިއްޔާ!” މަރީގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ.

ބޯއިފްރެންޑްގެ ގޮޅިއަށް އަހަރެން ފިޓްވޭތޯ ބަލައިލަދޭންވީނު!” އެއްވެސް ޖެހިލުމެއް ނެތި ފަވާޒު ބުންޏެވެ.

މަރީ ބޭނުންވަނީ ވަގުުތުން އެއްބަސްވާށެވެ. ހަނީފު ކަންތައްކުރި ގޮތުން ހަނީފު ދެކެ ވަރަށް ބޮޑަށް ފޫހިވެފައި ހުއްޓާ، ފަވާޒު ކަހަލަ ސްމާޓް ފިރިހެނަކު ފެނުމުން، އޭނާގެ ހިތުގެ ލަގަން ވަނީ ފަވާޒުގެ މުށަށް ލެވިފައެވެ. އޭނާއަށް ފަވާޒު ވަރަށް ކަމުހިނގައްޖެއެވެ. އެހެންނަމަވެސް އަގެއް ހުންނާންވާނެއެވެ. ވަގުތުން އެއްބަސްވާން ބޭނުން ނުވީ އެހެންވެއެވެ.

“ވިސްނައިލަން ޖެހޭނީ.” ފަވާޒުގެ މޫނަށް މަރީ ބަލައިލިއެވެ.

“މާދަމާރޭ މި ތަނުގައި އަހަރެން އިންތިޒާރުކުރާނަން!”

މަރީ ބޯ ޖަހައިލިއެވެ. ހިނިތުންވެލަމުންނެވެ.

ފަވާޒު ހިނގައިގަތެވެ. ގަސްތަކުގެ ތެރެއިން ގޮސް، އަނދިރީގެ ތެރެއަށް ގެއްލެންދެން މަރީ ބަލަން ހުއްޓެވެ. އޭނާގެ ހިތް ވެސް އެ ފަދައިން އޮޔާލައިފިއެވެ.

ޖެހިގެން އައި ރޭ، ހަތްގަޑިބައިވީ މަރީ އެ ތަނުގައި ހުއްޓައެވެ. އެހެންނަމަވެސް ފަވާޒެއް ނެތެވެ. މަރީ ވަށައިގެން އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. ދެ ލޯ ގެނެސްދިން މަންޒަރުން އޭނާގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. އޭނާ މި ރޭ އެ ތަނަށް އައީ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައެވެ. ފަވާޒުގެ މީހަކަށް ވާން ނިންމައިގެންނެެވެ. މި ވީހައިތަނަށް ލޯބީގެ ގޮތުން އޭނާ ގުޅުުނު އެއްވެސް ކުއްޖަކަށް، އޭނާގެ ހިތް ނޭދޭ ވަރަށް ފަވާޒަށް އެ ހިތް އެދެމުން އެބަ ދެއެވެ. ހަނީފު މިއަދު ފަސްހަފަރު ގުޅުމުން ވެސް އޭނާ ފޯނު ނުނެގީ އެހެންވެއެވެ. ފަވާޒުގެ އުނގުން ޖާގަ ބޭނުންވާތީއެވެ. އެ ދެ އަތުގެ ހިމާޔަތަށް ހިތް އެދި ގޮވަންފެށީމައެވެ.

މާޔޫސްވެފައިވާ ހިތަކާއެކު އެ ތަނުގައި މަޑުކޮށްލައިގެން މަރީ ހުއްޓެވެ. ރޭ ފަވާޒު މަޑުކޮށްގެން ހުރި ގަސް ކައިރީގައެވެ. ތަންކޮޅެއް ލަހުން ވެސް އޭނާ އަތުވެދާނެއޭ ހިތް ބުނާތީއެވެ. އެ ސަރަޙައްދަށް ވެރިވެފައިވާ އަނދިރިކަމުން އޭނާ ވަނީ ފަރުދާކޮށްފައެވެ. ދޭތެރެއަކުން މީހަކު ނުވަތަ ޒުވާން ޖޯޑެއް އަތުގުޅާލައިގެން ދާ ތަން ފެނެއެވެ. އެއިން މީހަކަށް މަރީ ފެންނަހެނެއް ހިޔެއް ނުވެއެވެ.

ކުއްލިއަކަށް ފަހަތުން މީހެއްގެ ހޫނު ނޭވާ، މަރީގެ ކަނދުރާއަށް އެޅިއްޖެއެވެ. ލިބުނު ކުއްލި ސިހުމާއެކު، އޭނާއަށް އެނބުރި ބަލައިލެވުނެވެ. މަރީގެ ހިތް ނަށައިގަތެވެ. އުފަލުން ފޮޅުނެވެ. ކައިރީގައި ފަވާޒު ހުރިތަން ފެނިފައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން، މަރީގެ އަމިއްލަ ނަފުސު އޭނާގެ ބާރުގެދަށުން ވީއްލިއްޖެއެވެ. ބޭއިޚުތިޔާރުގައި ފަވާޒުގެ ގައިގައި ބައްދާލެވުނެވެ. ހީވީ އެތައް ދުވަހަކު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ދުވަސްތަކަކަށް ދިމާނުވެ ތިބެފައި ބައްދަލުވި ދެ މީހުންހެންނެވެ. ލިބުނު ފުރުސަތުގައި ފަވާޒު ވެސް މަރީގެ ގައިގައި ބައްދާލިއެވެ. ނުހަނު ލޯބިންނެވެ. ދުލުން ބަހެއް ބުނެ ފާޅުކުރާކަށް މަރީއަކަށް ނުޖެހުނެވެ. ހުސްވެފައިވާ ގޮޅިއަށް ފަވާޒު ފިޓްވާކަން ޔަޤީންކޮށްދިނީ މަރީގެ އަމަލުންނެވެ.

އެ ރެއަށްފަހު ފަވާޒާއި މަރީއަކީ ދެ ލޯބިވެރިންނެވެ. ލޯބީގެ ބައްދަލުވުންތައް ގަވާއިދުން ކޮންމެ ރެއަކު ވެސް ބާއްވަން ފަށައިފިއެވެ. ރޭގަނޑު އަނދިރީގެ ތެރޭގައެވެ. ވިލިނގިލީ ހުޅަނގު ދެކުނުފަރާތުގައި އޮންނަ ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަރީ ދިރިއުޅެނީ މާލޭގައެވެ. ފަވާޒު ބުނާގޮތުން އޭނާ ދިރިއުޅެނީ ވިލިނގިލީގައެވެ. އެެހެންކަމުން މަރީއަށް ޖެހެނީ ކޮންމެ ރެއަކު ފެރީގައި ވިލިނގިއްޔަށް އަންނާށެވެ. މާލެއަށް ދާކަށް ފަވާޒު ބޭނުންނުވާތީއެވެ.

މަރީއާއި ފަވާޒުގެ ލޯތްބަށް ހަފުތާއެއްހައި ދުވަސްވީތަނާ، ފަވާޒުގެ ޙަޤީޤަތް މަރީއަށް އެނގިއްޖެއެވެ. ފަވާޒު ކިޔައިދިނީމައެވެ. ފަވާޒަކީ އިންސާނެއް ނޫންކަމެވެ. ރޫޙާނީ މަޚުލޫޤެކެވެ. އޭނާ މަރީ ދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކަ ބުންޏެވެ. އޮޅުވައިނުލައި ތެދުބަހުން ހަޤީޤަތް ކިޔައިދިނީ ވެސް އެހެންވެގެންކަމަށް ބުންޏެވެ.

ރޫޙާނީ މަޚުލޫޤަކަށް ފަވާޒު ވިޔަސް، އެކަން މަރީއަކަށް މައްސަލައަކަށް ނުވިއެވެ. ފަވާޒާ ގުޅުން ކަނޑައިލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއަށްވުރެ މާ ބޮޑަށް އޭނާ ފަވާޒުދެކެ ލޯބިވެއެވެ. ފަވާޒާ ވަތްކަކުން އޭނާއަކަށް ނޫޅެވޭނެއެެވެ. އެހެންކަމުން ފަވާޒުގެ އެދުމުގެ މަތިން، އޭނާ ފަވާޒާ ކައިވެނިކުރީއެވެ.

“އަހަންނަށް ވަރަށް އުނދަގޫ ކޮންމެ ރެއަކު މިރަށަށް އަންނަން!” ފަވާޒުގެ އުނގުގައި ބޯ އަޅާލައިގެން މަރީ އޮތެވެ. ގަސްތަކުގެ ތެރޭގައެވެ. އެ ދެމަފިރިންގެ ހިމާޔަތުގައި އަނދިރީގެ ފަރުދާ ވަށާލައިފައި ވެއެވެ. ޖެހޭ ވައިރޯޅި މަރީގެ މޫނާއި ހަށިގަނޑުގައި ފިރުމަމުން ގެންދެއެވެ.

“ކީއްވެ؟”

“ލާރި ނެތީމަ. މިހާރު ވެސް ގޭގައި ހުންނަ ލާރިކޮޅު، ގޭ މީހުންނަށް ސިއްރުން ނަގައިގެން މި އަންނަނީ.”

“ލާރި ލިބޭ ކަހަލަ މަސައްކަތެއް ކުރަންވީނު!”

“ވަޒީފާއަކަށް ނުދެވޭނެ!” މަރީ ވަގުތުން ދެކޮޅުހެދިއެވެ.

“އައިޑިއާރ އެއް ދެންތަ؟”

“ހޫނ!”

ފަވާޒު ދިން ޚިޔާލަށް މަރީއަކަށް ތާޢީދެއް ނުކުރެވުނެވެ. ފުރަތަމަ އޭނާ އެ ކަމަކަށް އެއްބަހެއް ނުވިއެވެ. އެހެންނަމަވެސް ފަވާޒަކަށް މި ކަން މާ ބޮޑުކަމަކަށް ނުވިއެވެ. ފަވާޒު ދެއްކި މޮޅު ވާހަކަތަކާއެކު، ނުހަނު ފަސޭހައިން އޭނާގެ މަގަށް މަރީ އަނބުރާލިއެވެ. ފަވާޒަށް ޓަކައި، ހަށިވިއްކުމުގެ ވިޔަފާރިއަށް މަރީ ވަނެވެ. އެހައިތަނުން އޭނާއަށް ފައިސާ ލިބޭންފެށިއެވެ. އަތްމަތި ތަނަވަސްވިއެވެ. ގޭ މީހުން ކިޔާ އެއްޗަކަށް، މީހުން ދައްކާ ވާހަކައަކަށް އޭނާ ނުބަލައެވެ. ނުވިސްނައެވެ. އޭނާ ހުންނަނީ އުފަލުންނެވެ. ފައިސާ ލިބެއެވެ. ރީތި ފިރިއެއްގެ ލޯބި ލިބެއެވެ.

އެއް ރެއެއްގެ އިރާކޮޅެވެ. މަރީއަށް ފިރިހެނެއްގެ ފޯނުކޯލެއް އައެވެ. ދައުވަތެއް ލިބުނީއެވެ. މަރީ ވަގުތުން ނައްޓާލިއެވެ. އޭނާ ބުނި ތަނަށް ދިޔުމަށެވެ. އާދައިގެ މަތިން މަރީއާއެކު ފަވާޒު ވެސް ދިޔައެވެ. ފަރުދާގެ ނިވަލުގައި ހުރެއެވެ.

އެ މީހާ ބުނި ގޯޅިއަށް ވަދެ މަރީ، އެ ނަންބަރަށް ގުޅިއެވެ. އޭނާ ދެއްކި ކޮޓަރިއަށް ވަނެވެ. އެއީ ދެބައި އުމުރުގެ މީހެކެވެ. މަރީއަކަށް އެއީ މައްސަލައެއް ނޫނެވެ. އާ ކަމެއް ވެސް ނޫނެވެ. އެއަށްވުރެ މާ ދުވަސްވީ މީހުންނާ ވެސް އޭނާއާ މި ކަހަލަ އެކަހެރި މާހައުލުތަކުން ވަނީ ބައްދަލުވެފައެވެ. އެއީ އޭނާ ކުރަމުން އަންނަ ވިޔަފާރިއެކެވެ. އެ ކަމުގެ ނުބައިކަމާއި އެކަމުގައި ހުރި ޢަޒާބާއި ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ގެއްލުމާއި ހަލާކަށް ކުޑަކޮށް ވެސް ވިސްނައިލުމެއް ނެތިއެވެ.

ކޮޓަރިއަށް ވަންގޮތަށް އާދައިގެމަތިން މަރީ އެދުނީ ފައިސާއަށެވެ. ފައިސާ ލިބުނީމާ ނޫނީ، އޭނާ މަސަކަތަކަށް ނޭނބުރޭނެއެވެ. އެހެންނަމަވެސް މި ރޭ މި ދިމާވީ ތަފާތު މީހަކާއެވެ. އޭނާ ބޭނުންވީ ފަހުން ފައިސާ ދޭށެވެ. އެހައިތަނުން ދެ މީހުންގެ ދެމެދުގައި ދެ ބަސްވުން އުފެދުނެވެ. މަރީ ބޭނުންވީ ވަގުުތު ބޭކާރުނުކޮށް ކޮޓަރިން ނިކުންނާށެވެ. ފިރިހެން މީހާ ހުރީ، ޒުވާން އަންހެން ކުއްޖަކު އެ ގޮތަށް އައިސް ސަމްސަލަށް އެރީމާ، ދޫކޮށްލާގޮތަކަށް ނޫނެވެ. އެެހެންކަމުން އޭނާ ވަގުުތުން މަރީގެ އަތުގައި ހިފެހެއްޓިއެވެ.

“ގައިގައި އަތްނުލާ!” ހަރުކަށި އަމުރާއެކު، އެ މީހާގެ މޫނުމަތީގައި މަރީ ޖެހިއެވެ.

“މަޑުކޮށްބަލަ! ފައިސާ ދޭށޭ މި އުޅެނީ.”

ފިރިހެންމީހާގެ މި ޖުމުލައާއެކު މަރީ މަޑުކުރިއެވެ. އެ މީހާ ޖީބުން ވޮލެޓް ނަގައި، ސަތޭކަ ރުފިޔާގެ ދެ ނޫޓް ދިއްކޮށްލިއެވެ. މަރީ އެއަކު ނުހިފިއެވެ. އެއީ އޭނާގެ އަގެއް ނޫނެވެ. މާ ކުޑަ މިންވަރެކެވެ. ނިންމާފައި ބާކީ ބައި ދޭނެ ކަމަށް ފިރިހެންމީހާ ބުންޏެވެ. މަރީ އެއްބަހެއް ނުވިއެވެ. އެހައިތަނުން އެ މީހާގެ އަމަލު ހަރުކަށިވިއެވެ. އޭނާ ވަގުތުން މަރީއާ ދިމާއަށް ފުންމައިގަތެވެ. މަރީގެ ގައިގައި ބައްދައި، އެނދުމައްޗަށް ވައްޓާލިއެވެ. އޭނާ އުޅުނީ ގަދަކަމުން މަރީގެ ބޭނުން ހިފާށެވެ. މަރީ މަސައްކަތްކުރީ، އޭނާގެ ކިބައިން ސަލާމަތްވާށެވެ.

މި މަންޒަރު ދެކެން ފަވާޒު ހުއްޓެވެ. ކޮޓަރީ ތެރޭގައެވެ. އޭނާ ބޭނުންވަނީ ހަމަ ވަގުތުން، އޭނާގެ އަތުން މަރީ ސަލާމަތްކުރާށެވެ. އެ ނުލަފާ މީހާއަށް ވަރުގަދަ ލަގާއެއް ދޭށެވެ. އެެހެންނަމަވެސް އެ ކަމަށް އޭނާއަށް އަމަލީ ފިޔަވަޅެއް ނޭޅި އުޅެނިކޮށް ފެނުނީ، މަރީގެ ހަށިގަނޑަށް ކުއްލި ހިމޭންކަމެއް އައިތަނެވެ. އެ މީހާގެ ކޮންމެވެސް އަމަލަކާއެކު މަރީއަށް ކަމެއް ވެއްޖެއެވެ. ފަވާޒު އަވަސްއަވަހަށް، ކުރިއަށް ޖެހިލިއެވެ. އެނދުގައި އިށީނދެ، މަރީގެ ބޯ ނަގައި އޭނާގެ އުނގުގައި ބާއްވައިލިއެވެ. މަރީގެ ދެ ލޯ ވަނީ ބޮޑުވެފައެވެ. ކަޅި ހުއްޓިފައެވެ. ނޭވައެއް ނުލައެވެ. ފަވާޒުގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ.

އޭރު އެ ފިރިހެން މީހާ އެނދުން ތެދުވެ، އެނދުމަތީގައި ހަރަކާތް ހުސްވެފައި އޮތް މަރީގެ ހަށިގަނޑަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނާން ހުރީ ކަންބޮޑުވުމެވެ. ހާސްކަމެވެ. ކޮޓަރިތެރޭގައި އޭނާ އެނބުރޭންފެށިއެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެންނެވެ. އިސާހިތަކު އޭނާ ދާހިއްލައި ފޯވެއްޖެއެވެ.

ފަވާޒު އިނީ ރުޅިއައިސް ރަތްވެފައެވެ. ދެ ލޯ ރަތްވެފައެވެ. ސިފަ ހުތުރުވެފައެވެ. އޭނާގެ އަލިފާންކަނި ބުރަބުރާ ހުރި ލޮލުން، އެ ފިިރހެންމީހާއާ ދިމާއަށް ކަޅިއަޅައިގެން އިނެވެ. މަރީގެ ފުރާނަ ނެތް ހަށިގަނޑުގައްޔާއި ބޮލުގައި ފިރުމާލަ ފިރުމައިލައެވެ. ފަވާޒުގެ ނަޒަރުން އެ ފިރިހެން މީހާ ގެއްލުނީ، އޭނާ އެ ކޮޓަރިން ނިކުމެގެން ދިޔުމުންނެވެ.

“ކަލޭ ކަޅުކޮތަޅު ހިފައިގެން އައިސް، މަރީގެ ހުރިހައި އަންނައުނެއް ބާލައިފައި، މަރީގެ ހަށިގަނޑު އެ ކޮތަޅަށްލީ އިރު ވެސް، އަހަރެން އެ ތަނުގައި، ކަލޭގެ ހަރަކާތްތަކަށް ބަލަން ހުރިން. އެ ވަގުތު އަހަރެން ޢަޒުމުކަނޑައެޅިން ކަލޭގެ ކިބައިން ވަރަށް ރަނގަޅަށް ބަދަލުހިފަން. އެ ރެއަކީ ކަލޭގެ ދަރިފުޅުގެ ފިރިމީހާ ފަޅުރަށެއްގައި އުޅުނު ރެއެއް. އަހަރެން އެ ރޭ އެ ރަށަށް ދިޔައިން. އަހަރެން އުޅުނީ އެ ރޭ އެ ރަށުގައި އޭނާ މަރާލަން. އެކަމަކު ފަހުން ވިސްނުން ބަދަލުވީ. ހިތަށް އެރީ އެއަށްވުރެ ހިތްދަތިކޮށޭ މިކަން ނިންމާނީ. ފުލުހުންގެ ތަޙުޤީޤުން ވެސް ކަލޭ ސަލާމަތްވީ، ހުރހައި ހެތްކެއް އަހަރެން ނައްތާލީމަ. ބޭަނުމަކީ އަހަރެން ބޭނުންވާ ގޮތަށް ކަލޭގެ ކިބައިން ބަދަލުހިފުން. ފުލުހުންގެ ހައްޔަރަށް ކަލޭ ގެންދިޔަ ނުދިނުން. އެކަމަކު އަހަރެން ބޭނުމިއްޔާ މިހާރުވެސް ކަލޭގެ މައްޗަށް އެ މައްސަލަ ސާބިތުކުރާނަން! އެނގިއްޖެތަ؟”

ފައިސަލަށް ކުރެވުނުހައި ވެސް ކަމަކީ، ރޮވިފައި ހުރެ، ބޯ ޖަހައިލުމެވެ. އެ މަޚުލޫޤުގެ ބަހަށް އެއްބަސްވުމެވެ.

“ކަލޭ ހީނުކުރައްޗޭ މި ނިމުނީކަމަށް! އަދި އޮތީ ކުރިއަށް. މަގޭ ބޭނުމަކީ ހިތްދަތިކޮށް ކަލޭ މި ދުނިޔެއިން ނައްތާލުން. ކަލޭގެ މުޅި އާއިލާގެ ކިބައިން މި ގޮތަށް ބަދަލުހިފުން!”

“ތިހެން ނަހަދާ! އާދޭސް މި ކުރީ. އަހަރެންގެ ކުދިންކޮޅު މި ކަމުން ސަލާމަތްކޮށްދީ! އެ ކުދިންގެ ކޮންކުށެއް އޮތީ؟”

“އޭތް! ބޭކާރު ވާހަކަ ދައްކަން ނުހަދާ!” ކުރިމަތީގައި ހުރި މަޚުލޫޤުގެ އަޑު އެ މާޙަައުލުގައި ގުގުމައިގަތެވެ. “އަހަރެން ކަންކުރާނެ ގޮތެއް ކަލެއަކަށް ނޭނގޭނެ! އަހަންނަށް ގޮތް ކިޔައިދޭކަށް ވެސް ކަލެއަކަށް ނޭނގޭނެ! އެކަމަކު ހަނދާންކުރާތި! މަގޭ މަގަށް ހުރަސްއަޅާނަމޭ ހިތައި އިނގިއްޔެއްގެ ކުރި ހަލުވައިލިޔަސް، ކަލޭގެ މުޅި ދިރިއުޅުން އަޅިއަށް ހަދައިލާނަން!”

އެ އެތީގެ ވާހަކަ މިހައިހިސާބަށް ދިޔަތަނާ، ކުއްލިއަކަށް ގަސްތަކުގެ މަތިން، ފައިސަލްގެ ކުރިމައްޗަށް ބޮޑު އަލިފާން ގުޅައެއް ވެއްޓިއްޖެއެވެ. ލިބުނު ސިހުމާއެކު ފައިސަލް އިދިފުށަށް ވެއްޓުނެވެ. އެ ވަގުތު އަލިފާން ގުޅަަ ބިރުވެރި ސިފައަކަށް ބަދަލުވިއެވެ. ވެއްޓިފައި އޮތް ފައިސަލަށް މި މަންޒަރު ފެނުނެވެ. އެއާއެކު އެ އެތި ފައިސަލްގެ ގައިމައްޗަށް ޖެހިގެންފިއެވެ. ރުޅި އައިސް ފުފިފައި ހުރެއެވެ.

“ދަރިފުޅާ! ރުޅިމަޑުކުރޭ!”

ވަސީމާއަށް ހޭލެވުނީ ސިހިފައެވެ. ބިރުވެރި ހުވަފެނެއްގެ ތެރެއިންނެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. މި އޮތް ފިނި ރޭ އޭނާ ވަނީ ދާހިއްލައި ފޯވެފައެވެ. އޭނާގެ ބޮޑުވެފައިވާ ދެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ގަޑިއަށް ބަލައިލިއިރު، ތިންގަޑި ބައިވެ ބޮޑުވެއްޖެއެވެ.

ވަސީމާއަށް ފުރަތަމަ ވެސް ބަލައިލެވުނީ އެނދަށެވެ. ފައިސަލް އޮތްތޯއެވެ. އެނދަކު ފައިސަލެއް ނެތެވެ. އޭނާގެ ހިތް އޭނާއަށް އަންގާންފެށީ، ފައިސަލަށް ކަމެއް ވެއްޖެކަމަށެވެ. އޭނާ އެނދުން ފުންމާލައިގެން، އަވަސްއަވަހަށް ގޮސް މުނިޔާގެ ކޮޓަރީ ދޮރުފަތުގައި ތަޅައިގަތެވެ. ގިނައިރެއްނުވެ، މުނިޔާ ދޮރު ހުޅުވައިފިއެވެ.

“ބައްޕަ އަދިވެސް ނާދޭ! މިހާރު ވާރޭ ވެސް ހުއްޓައިފިއެއްނު!” ވަސީމާގެ ކަންބޮޑުވުން ހުރި މިންވަރު، އޭނާގެ އަޑާއި ރާގުން މުނިޔާ ދެނެގަތެވެ. “ބައްޕައަށް ކަމެއްވީ ކަންނޭނގެ!”

ވަސީމާގެ ކަންބޮޑުވުން އެކުލެވިފައިވާ އަޑު، ޖެހިގެން ހުރި ކޮޓަރީގައި އޮތް ނިޔަމްއަށް ވެސް އިވުނެވެ. އެހެންނަމަވެސް އޭނާއަށް ކޮޓަރިން ނިކުންނާކަށް ނުކެރުނުވެ. ކުޑަމިނުން ބޭރަށް ބޯ ދިއްކޮށްލަން ވެސް ނުކެރުނެވެ.

އިރުއެރިއިރު ވެސް ފައިސަލް ގެއަކަށް ނާދެއެވެ. އެހައިތަނުން ވަސީމާ ނިންމީ، ފުލުހުންނަށް އަންގާށެވެ. ފައިސަލް ހޯދުމުގެ މަސައްކަތް ފުލުހުން ވަގުުތުން ފަށައިފިއެވެ. މާލޭގެ އެކި ސަރަޙައްދުތައް ބަލާން ފަށައިފިއެވެ. ވަސިމާ އިނީ ހިތާމައިން ފޯވެފައެވެ. މުނިޔާއާއި ނިޔަމްގެ ކަމަކީ ވެސް ރުއިމެވެ. އެ މީހަކު އެ މީހެއްގެ ކޮޓަރީގައެވެ. ބައްޕައަށް ވީ ގޮތެއް ނޭނގުމުން، އެ ކަމުގެ ހިތާމަ އެ ދެކުދިން ވެސް ކުރަމުން ގެންދިޔައެވެ.

ދިހައެއް ޖަހާންވެފައި ހުއްޓާ، ކޮންމެވެސް މީހަކު ކޮޓަރީގައި ޓަކިޖަހާލައިފިއެވެ. ވަސީމާ ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ފައިސަލެވެ. ވަސީމާގެ ދެ ލޯ ބޮޑުވިއެވެ. ފައިސަލް ހުރި ގޮތް ފެނިފައެވެ. އެއީ ފައިސަލްކަން ގަބޫލުކުރަން ވެސް ވަސީމާއަކަށް ފަސޭހައެއް ނުވިއެވެ. ފައިސަލްގެ ބޮލާއި މުޅި ގައިގައި ވަނީ، އެކި ކަހަލަ ކުނިބުންޏާއި ވެއްޔެވެ. ލައިގެން ހުރި ކްރީމް ކުލައިގެ ގަމީހާއި ކަޅު ފަޓުލޫނުގެ ކުލަ ވަކިވާވަރު ވެސް ނުވެއެވެ. މޫނުމަތި ހުރީ ފާޑަކަށް ހުދުވެފައެވެ. ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައި ހުރި މީހެއް ހެންނެވެ.

“ފައިސަލް! ކިހިނެއް ވެފައި ތިހިރީ؟ ކޮންތާކު އުޅެފަ ތި އައީ؟” އިރުކޮޅަކު ބަލަން ހުރެފައި މަސީމާއަށް އަހައިލެވުނެވެ.

ވަސީމާގެ މި ޖުމުލައާއެކު ފައިސަލަށް ރޮވިއްޖެއެވެ.

“އަހަރެން މުޅިން ހަލާކުވެއްޖެ!” ވަސީމާގެ އަތުގައި ފައިސަލަށް ހިފެހެއްޓުނެވެ. އެ އަތް އިންތިހާއަށް ފިންޏެވެ.

“ކިހިނެއްވީ؟” ވަސީމާ ހުރީ ސުވާލުން ފުރިފައެވެ. ވާނުވާ ނޭނގިފައެވެ.

“ފުރަތަމަ އަހަންނަށް ބޯ ފެންފޮދެއް ދީ! ކާއެއްޗެއް ދީ!” ފައިސަލް ކޮޓަރިއަށް ވަދެ، ސޯފާގައި އިށީންނަން އުޅުނެވެ. އެހެންނަމަވެސް އޭނާ އެއަށް ފެތުނީއެވެ.

ފެންތަށްޓެއް ހިފައިގެން އައިސް ފައިސަލަށް ވަސީމާ ދިނެވެ. އެއަށްފަހު، ވަރަށް އަތްމަތި އަވަސްކޮށް ބިސްގަނޑެއް އަޅައިގެން ޖޫސްތަށްޓަކާއެކު ފައިސަލަށް ގެނެސްދިނެވެ. ފައިސަލް ބިސްގަނޑު ކައިލައި ޖޫސްތަށި ބޯލިއެވެ. ވަރަށް ހިތްވަރުންނެވެ. ދަތި އުނދަގޫ ގޮތަކަށެވެ.

“ދެން ބުނެބަލަ! ކޮންތާކު އޮވެފަ ތި އައީ؟” ކައި ނިމެންދެން ކެތްތެރިކަމާއެކު އިނދެފައި، ވަސީމާ ސުވާލުކުރިއެވެ.

“ކީކޭ ބުނާނީ؟ ރޭ ވިއްސާރައިގައި ޖެހިފައި ހުއްޓާ، ނޭނގެ ވީ ގޮތެއް ވެސް. ވާނުވާ އެނގުނީ މިއަދު ނުވައެއް ވެސް ޖެހިފަހުން. އޭރު އަހަރެން އޮތީ ވިލިނގިލީ ވަލުތެރޭގަ.”

“ވިލިނގިލީ ވަލުތެރޭގައޭ؟” ވަސީމާގެ ދެ ލޯ ބޮޑުވިއެވެ. “އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ ދޮގު ހެދުމުގައި ވެސް ކޮންމެވެސް ހައްދެއް ގެންގުޅެބަލަ!” ފައިސަލް ދެއްކި ވާހަކަ ވަސީމާއަކަށް ގަބޫލެއް ނުކުރެވުނެވެ.

” ގަބޫލުކުރޭ ވަސީމާ! ހަމަ ތެދެއް މި ބުނި.” ފައިސަލްގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ. އަޑު ތުރުތުރުއަޅައެވެ.

“އެކަމަކު އެ ހިސާބަށް ދެވޭއިރު އެނގެންވާނެއެއްނު! ހަމަހޭގައިތަ ހުރީ؟ ނޫނީ އަނެއްކާ ޖިންނިއެއް އަވަލީތަ؟”

“ވަސީމާ! ހިތަށް އެރިހައި އެއްޗެއް ނުކިޔަބަލަ!” ފައިސަލް ވަގުތުން ރުޅިއައެވެ. ޖިންނިއޭ ކިޔައިގެން އެއްްވެސް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެ މައުޟޫއަށް އެހެން މީހަކު އެއްޗެއް ބުނާ އަޑު އަހާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ.

“ތިހެން ރުޅި އައިސްގެން ފުންމައިގަންނައިރު، އަހަރެމެން ހާސްވެގެން ތެޅުނުވަރެއް ފައިސަލަކަށް ނޭނގޭނެ!”

“އެނގޭ ކަންބޮޑުވާނެކަން ވެސް. ދެރަވާނެކަން ވެސް” ފައިސަލްގެ އަޑާއި ރާގު ބަދަލުވިއެވެ. ރުޅިއާދެވުމުން ދެރަވިއެވެ. “ކޮބާ ކުދިންކޮޅު؟” ފައިސަލް ބޭނުންވަނީ އެހެން ވާހަކައެއް ދައްކާށެވެ. އެ މައުޟޫއާ ދުރަށް ދާށެވެ.

“ކޮޓަރީގަވީ. ފައިސަލް އައިކަން ވެސް އަދި ނޭނގޭނެކަންނޭނގެ. ފައިސަލަށް ވީގޮތެއް ނޭނގިގެން ފުލުހުންނަށް ވެސް މިހާރު އަންގައިފިން.”

“ސުބުޙާނަﷲ! އެހެންވިއްޔާ އަވަހަށް ގުޅާފަ ބުނޭ!”

ވަސީމާ ފޯނު ނަގައި ފުލުސް އޮފީހަށް ގުޅަމުން ކޮޓަރިން ނިކުތެވެ.

ދެ ދަރިންގެ ދިރިއުޅުމުގެ ހާލަތާމެދު ވިސްނައިލެވުމުން، ފައިސަލްގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. ހިތަށް އެރަމުން ދިޔައެވެ. އޭނާއަށް ކުރެވުނު ބޮޑު ފާފައިގެ ކައްފާރާއަކަށް އެ ކުދިން ވަމުން ދަނީއެވެ. ހިތަށާއި މެޔަށް ކެތްވާވަރުގެ ކަމަކަށް މިކަމެއް ނުވެއެވެ. އޭނާ މިހާރު ބޭނުންވަނީ، ކަމުގެ ޙަޤީޤަތް، އާއިލާގެ ތެރޭގައި ހާމަކުރާށެވެ. ދަރިންނަށް ލިބެމުންދާ ހިތާމައާއި ވޭނުން އެ ކުދިން ސަލާމަތްކުރެވޭތޯއެވެ. އެހެންނަމަވެސް އެ ގޮތަށް އެ ކަން ވެވޭކަށް ނެތެވެ. އެ މައުޟޫއަށް އެންމެ ލަފުޒެއް ބުންޏަސް، އޭނާއާއެެކު މުޅި އާއިލާ ވެސް ހަލާކުކޮށްލައިފާނެއެވެ.

މި ކަހަލަ ފިކުރެއްގައި ފައިސަލް އިންދާ، އިރުކޮޅަކުން ވަސީމާ އައިސް ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން އައިސް ވަނީ މުނިޔާއެވެ. މުނިޔާގެ ހިތާމައާއި ހިތްދަތިކަމުން، ބަނަވެ، ކުލަ ފަނޑުވެފައިވާ މޫނު ފެނިފައި، ފައިސަލްގެ ހިތް ހުއްޓުނު ކަަލައެވެ. އޭނާއަށް ވަގުތުން ރޮވިއްޖެއެވެ. ފައިސަލްއަށް ރޮވުނު މަންޒަރު ފެނިފައި، މުނިޔާއަށް ވެސް ވީ އެ ވަރެވެ. ރޮވުނީއެވެ. އޭނާ އައިސް ބައްޕަގެ ގައިގައި ބައްދާލިއެވެ.

މަންމަގެ ކޮޓަރީގައި ބަޔަކު ވާހަކަދައްކާހެން ހީވެގެން، ނިޔަމް ކޮޓަރި ދޮރު ހުޅުވައި ބަލައިލިއެވެ. އެ ވަގުތު އޭނާގެ ކަންފަތުގައި ބައްޕަގެ އަޑު ޖެހުނުހެން ހީވިއެވެ. އޭނާ ކޮޓަރިން ނިކުމެ މަޑުމަޑުން މަންމަގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރި ކައިރިއަށް ގޮސް އޭނާ މަޑުކޮށްލިއެވެ. މަންމަގެ އަޑު އިވިފައެވެ.

“މަށެއް ނޫޅެން އޭނައަށް ގޮވާކަށް. މަ ބޭނުމެއް ނޫން މިހާރު އޭނައާ ވާހަކަ ދައްކާކަށް ވެސް.” މަންމަގެ ނުރުހުމުގެ އަޑުން ނިޔަމްގެ ހިތުގެ ޒަޚަމްތަކުގައި ލޭ ހިލެންފެށިއެވެ.

“ވަސީމާ! ނިކަން ރުޅި މަޑުކޮށްބަލަ! އެހެން ހަދާކަށް ނުވާނެ އެ ކުއްޖާއަށް. ތިހެން ކަންތައް ކުރީމަ އޭނަ ކިހައި ދެރަވާނެ!” ފައިސަލްގެ އަޑު ހުރީ ހިތާމައިން ފޯވެފައެވެ.

“ކޮންމެ މީހަކަސް، ކުށްކުރީމަ އަދަބު ލިބެންޖެހޭނެ! މަގޭ ހަމަ މީ. އެ ވަރިހަމަ ދަރިއަކަށް ވިޔަސް.” ވަސީމާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“ކޮބައިތަ އެ ކުއްޖާގެ ކުށަކީ؟” ފައިސަލަށް ބޭއިޚުތިޔާރުގައި އަހައިލެވުނެވެ.

“ކުށަކީ ކޮބައިހޭ؟ ފައިސަލަށް ހަމަ ނޭނގިގެންތަ ތި އަހަނީ؟ ލަދުހަޔާތް ނެތް މީހަކު ކުރާނެ އެންމެ ހުތުރު އަމަލު އޭނަ ކޮށްފަ އެ އޮތީ. ލަދުން ބޯ ހަލާކުވާވަރުވޭ! މަގޭ ހިތަށް އަރާ، އޭނައަށް މަ ދިން ތަރުބިއްޔަތުގެ އަގަކީ މިއީ ބާވައޭ؟”

“މަންމާ! ދެން ތި ވާހަކަ ހުއްޓާލަބަލަ! ވީ ކަމެއް ނުވާ ކަމަކަށް ނުވާނެއެއްނު!” ބޮލުގައި އަތް އަޅައިގެން ހުރެ، މުނިޔާ ގޮސް އެނދުގައި އިށީނެވެ.

“ނުވާ ކަމެއް ވީ ކަމަކަށް ވެސް ނުވާނެ ދަރިފުޅާ!” ފައިސަލަށް ބުނެވުނެވެ. އޭރު އޭނާގެ ހިތް ބާރަށް ރޮމުން ގެންދެއެވެ. އެ ހިތުގެ ގިސްލުން އޭނާގެ އަޑާ އެކުވެފައި ހުރި ކަހަލައެވެ.

“ނިޔަމްއާ ފައިސަލާ ތީ އެއް ރާހީގެ ދެ މީހުން. އެއް ބަނޑު ދައްތަގެ ފިރިމީހާ ކޮޓަރިއަށް ވައްދައިގެން އެ ފަދަ މުޑުދާރު އުޅުން އުޅުނީމާ ވެސް، ފައިސަލަކަށް ނުވިއެއްނު މައްސަލައަކަށް. ކިހާ ރީތި!”

މި ވާހަކަތައް އަޑުއަހަން ކޮޓަރީ ބޭރުގައި ރޮވިފައި ހުރި ނިޔަމްއަށް، ވަސީމާގެ އެ ޖުމުލަ އިވުމާއެކު، ދެ ލޯ ބޮޑުވިއެވެ. އަނގަ ހުޅުވި މީހާ ފާޑަކަށް ގަނޑުވިއެވެ. ދެ ލޮލުން ކަރުނަ އޮހިގަތީ އިރުކޮޅެއް ފަހުންނެވެ.

“ނުވިތާކަށް އެކަމާ މުނިޔާ އެއްޗެއް ބުނީމަ، އެ ފަކީރުގެ ގައިގައި ތަޅައިގަނެ ރޯނާގަންނަވާލީ، ކަލޭގެ ކުރިމަތީގައެއް ނޫންތަ؟ މަ މިހާރު ބޭނުމެއް ނޫން އޭނަ މި ގޭގައި ބައިންދާކަށް ވެސް. ސާޖިދާއެކު ފޮނުވާލަން ބޭނުންވަނީ. މުނިޔާ ޖެހޭނެ މިއަދު އެ ސާޖިދުގެ ގާތުން ވަރިވާން ފޯމުލާން!”

މަންމަގެ އެ ޖުމުލައާއެކު، ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުން މުނިޔާއަށް ރޮވިއްޖެއެވެ. އެ ވަގުތު ކުއްލިއަކަށް ނިޔަމް އައިސް އެ ކޮޓަރިއަށް ވަނެވެ. ވަންގޮތަށް ބާރަށް ރޯންފެށިއެވެ. އޭނާ އުޅުނީ ދުވެފައި ގޮސް، މަންމަގެ ގައިގައި ބައްދައިގަންނާށެވެ. ހަޤީޤަތް ބުނެދޭށެވެ! މަންމާއެވެ! ތިހެން ނުބުނާށެވެ. އަހަރެންގެ ބޮލުގައި ތި އަޅުވަނީ ޙަޤީޤަތެއް ނެތް އިލްޒާމެކެވެ. ތީ އަހަރެން ކުރި ކަމެއް ނޫނެވެ. ތި ފަދަ ހުތުރު އިލްޒާމު އަހަރެންގެ ބޮލުގައި ނާޅުވާށެވެ! ދޮންތަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ދޮންތަބެއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދަ މީހެކެވެ. ދޮންތަބެ ގާތުން ވަރިވާން ދޮންތައަށް މަޖުބޫރުނުކުރާށެވެ!

ބުނާން ކިތަންމެ ބޭނުންވިޔަސް، މިއިން އެންމެ ޖުމުލައެއް ވެސް ނިޔަމްއަކަށް ނުބުނެވުނެވެ. އެ ފަދަ ފުރުސަތެއް ނުލިބުނެވެ. ވަސީމާ ގާތަށް އައިސްފައިވާ އަލިފާން ރުޅީގައި، ނިޔަމްގެ އަތުގައި ހިފައި ކޮޓަރިން ބޭރުކޮށްލީއެވެ. ދޮރު ލައްޕާ ތަޅު ވެސް ލީއެވެ. މި ހިތްދަތި މަންޒަރަށް ކެތް ނުކުރެވިގެން، ފައިސަލް ރޮމުންރޮމުން ގޮސް ވަނީ ފާޚާނާއަށެވެ. އެހައިތަނުން ވަސީމާއަށް ވެސް ރޮވުނީއެވެ.

މުނިޔާ ވެސް ގިސްގިލާފައި ރޮމުން ގެންދިޔައެވެ. އޭނާގެ ބޮލަށާއި މެޔަށް ކުރާ ބާރު އެތައް ގުނައަކަށް އެރިއެވެ. ހަތަރެސްފައި ފިނިވާން ފެށިއެވެ. މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. ދެ އަތުން ބޮލުގައި ބާރަށް ހިފެހެއްޓުނެވެ. “މަންމާ”އޭ ކިޔައި ރޮއިގަތް އަޑާއެކު، އިރުކޮޅަކުން ފެނުނީ ޚަބަރު ހުސްވެގެން އެނދުމައްޗަށް ދެމުނުތަނެވެ.

މި މަންޒަރު ފެނިފައި ވަސިމާއަށް ބާރަށް ރޮއިގަނެވުނެވެ. މުނިޔާއާ ދިމާއަށް ދުއްވައިގަނެވުނެވެ. ފާޚާނާގައި ހުރި ފައިސަލް އަވަސް އަވަހަށް ނިކުތެވެ. އެނދުމަތީގައި ޚަބަރު ހުސްވެފައި އޮތް މުނިޔާއަށް ގޮވަގޮވާފައި ވަސީމާ ރޮމުންގެންދާ މަންޒަރު ފެނިފައި ފައިސަލަށް ވެސް އެ ދިމާއަށް ދުއްވައިގަނެވުނެވެ.

“ދަރިފުޅާ! ކިހިނެއްވީ؟” ފައިސަލް ގޮސް މުނިޔާގެ ގައިގައި ހިފައި ތަޅުވައިގަތެވެ.

މުނިޔާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. މެރިފައިވާ ދެ ލޯ ފައިސަލަށް ހުޅުވައިލެވުނެވެ. ކަޅި ވަނީ ހުއްޓިފައެވެ. ތެޅިތެޅި އޮތް ހިތަކާއެކު، މުނިޔާގެ ނޭވާ ހިނގާތޯ އޭނާއަށް ބަލައިލެވުނެވެ.

މުނިޔާ އޮތީ އައިޖީއެމްއެޗުގެ އަވަސްފަރުވާދޭ ކޮޓަރީގައެވެ. އޭނާގެ ގާތުގައި، ފައިސަލާއި ވަސީމާ ތިއްބެވެ. ހޭއެރި ނަމަވެސް، މުނިޔާ އޮތީ ލޯ މަރައިގެންނެވެ. ގުޅާފައި ހުރި އައިވީ ފުޅީގެ ދީލަތި އެހީތެރިކަމާއެކު، އޭނާގެ ހާލަތު ރަނގަޅުވަމުން އާދެއެވެ. އެހެންނަމަވެސް ބައެއް ޓެސްޓްތަކުގެ ނަތީޖާ ނުލިބޭތީ އޮތީ ބާއްވާފައެވެ.

މުނިޔާ ގާތުގައި އިން ވަސީމާގެ ފޯނަށް ކޯލެއް އަންނާން ފެށުމުން، އޭނާ ފޯނަށް ބަލައިލިއެވެ. އެއީ ދަންނަ ނަންބަރެއް ނޫނެވެ.

“ކޮންމެވެސް މީހަކު އެބަ ގުޅާ!” ޖެހިގެން އިން ފައިސަލްގެ މޫނަށް ވަސީމާ ބަލައިލިއެވެ.

ފޯނު ނަގަން އުޅެފައި ވަސީމާ ފޯނު ނުނެގީ، ހިތް ބުނި އެއްޗަކުންނެވެ. ފޯނު ކެނޑުމާއެކު، ހަމަ އެ ނަންބަރުން އަނެއްކާވެސް ގުޅަން ފަށައިފިއެވެ. ތިންވަނަ ފަހަރު ގުޅުމުން، ފޯނު ނަގާބަލާށޭ ފައިސަލް ބުންޏެވެ.

“މަށަށް ހީވަނީ އެ ސާޖިދަކު ހެން އެ ގުޅަނީ.” މުނިޔާއަށް ނީވޭވަރަށް މަޑުން ވަސީމާ ބުންޏެވެ.

“ނަގާބަލަ! ވެދާނެ އެހެން މީހަކަށް ވެސް.”

ވަސީމާ ފޯނު ނެގިއެވެ. ހަލޯއޭ ބުނުމާއެކު އިވުނީ އަންހެނެއްގެ އަޑެވެ. ވާހަކަ ދެއްކީ ރަށު ބަހުރުވައިންނެވެ. އެހެންނަމަވެސް އެއީ ކާކުކަން ދެނެގަންނާކަށް ވަސީމާއަކަށް ނޭނގުނެވެ. އެ މީހާއަށް ޖެހުނީ ތަޢާރަފުވާށެވެ.

އެއީ ވަސީމާގެ ރަށު މީހެކެވެ. ހަބީބާއެވެ. ހަބީބާއަކީ ވަސީމާއާ، މާ ގާތް ގުޅުމެއް އޮންނަ މީހެއް ނޫނެވެ. ފެނުމުން ހިތްހެޔޮކަމާއެކު ވާހަކަ ދައްކާލައި އުޅޭ، ވަސީމާއާ ދާދި އެއް އުމުރެއްގެ އަންހެނެކެވެ. ހިތްހެޔޮ، އަޚުލާޤު ރަނގަޅު، ހެޔޮލަފާ އަންހެނެކެވެ. ރަށުގެ އެންމެންހެން އިޙުތިރާމްކުރާ އަންހެނެކެވެ.

“އިނައްކާއި ކެހެނަކުން ވޫ؟” (ކިހިނެއްވީ އަނެއްކާ؟) ދުވަހަކު ނުގުޅާ މީހަކު ކުއްލިއަކަށް ގުޅުމުން ވަސީމާއަށް އަހައިލެވުނެވެ.

“މާބޮނޑެ ކައިކެވޫ ނުން. ކުދެ ވާހަކައިކެ ދައްކަންނަ ވެގަން” (މާ ބޮޑު ކަމެއް ވީއެއް ނޫން! ކުޑަ ވާހަކައެއް ދައްކާލަން)

“ކޮން ވާހަކައިކެ؟” (ކޮން ވާހަކައެއް؟) ވަސީމާ ތެދުވިއެވެ. ހިނގައިގަތީ އަވަސްފަރުވާދޭ ކޮޓަރިން ނުކުންނާށެވެ.

“މި ގުޅޫ މަގެ މޫސާ ހަސަނު ބޮނެގަން ވަސީމާއި ވާހަކައިކެ ދައްކަންނަވެގަން” (މި ގުޅީ މަގޭ މޫސާ ހަސަނު ބުނެގެން ވަސީމާއާ ވާހަކައެއް ދައްކާލަންކަމަށް.)

“ބޮނަހެ!” (ބުނެބަލަ!) ވަސީމާގެ އަޑާއި ރާގަށް ބަދަލުއައެވެ. އެ ބުނާ މޫސާ ހަސަނަކީ، ސާޖިދުގެ އެކުވެރި މޫސަކަން ވަސީމާއަށް އެނގެއެވެ.

“މަ މި ދައްކަންނަ ވޮންނާ ވާހަކެޔާ މީ ފަހަރަކު ވަސީމާ އެހެއި އަޑެއަހަނެ ހިތެނުވެނެ ވާހަކާކަޓަސް ވެޔަންނެއިހީ” (ފަހަރެއްގައި ދައްކަން މި އުޅެވެނީ ވަސީމާ އަޑުއަހާ ހިތްވާ ކަހަލަ ވާހަކައަކަށް ނުވެދާނެ!)

“ދެން ކެޔަހެ!” (ދެން ކިޔާބަލަ!)

“މަ ބޮނަންނަ މިވޮންނަ މި ވޮންނާ ވާހަކެޔާވޫ، ވަސީމާގެ ގޮއްޓޭ ދިޔެ ވެގަން އެ ވޮންނާ ކުއްދާ އަހަންނަގެ މޫސާ ހަސަނު ގާތު ދެއްކީ ވާހަކައިކެހީ.  އެޔާ…” (ވަސީމާގެ ދޮށީ މަންޖެ އިނދެގެން އުޅޭ ސޮރު، މަގޭ މޫސާ ހަސަނު ގާތު ދެއްކި ވާހަކައެއް ބުނަން މި އުޅެނީ. އޭނާ…)

“ހަބީބާތީ މަވަރަޓެ ގަދަރެ ކެރަނެމީހެކެ. ވަރަޓެ އިހުތިރާމަސް ކެރަނެ މީހެކެތީ. ހަބީބާ ނުން އެހެން މީހަކުން ގުޅައިގެން ހުއްޓީ އެއްތެނެކާ އިނތިއްރަޓެ އިކިން ޖުމުލާކަސް އައި އަޑެ ނުއަހަންނެން. އެކަމަކު ހަބީބާޓެ މަ ކެރަނެ އިހުތިރާމަކުން ތި ވާހަކެޔާ އައިކެ އަޑެއަހަންނެން. ކެޔަހެ”  (ހަބީބާ! ތީ އަހަރެން ވަރަށް ޤަދަރުކުރާ މީހެއް!  އިހުތިރާމްކުރާ ވެސް މީހެއް!  ހަބީބާ ނޫން މީހަކު ގުޅައިގެން އުޅޭ ފޯނެއް ނަމަ، އިތުރަށް އެންމެ ޖުމުލައެއް ވެސް އަހަރެން އަޑެއް ނާހާނަން! އެ ކަމަކު ހަބީބާއަށް ކުރާ އިހުތިރާމެއްގެ ގޮތުން އަހަރެން ތި ވާހަކަ އަޑުއަހާނަން! ކިޔާބަލަ!)

އެހައިތަނުން ހަބީބާ ވާހަކަ ފެށިއެވެ. ސާޖިދު ރޮއިރޮއިފައި މޫސަ ގާތުގައި ދެއްކި ވާހަކަތަކެވެ. އޭނާ އެ ގެއިން ނެރުނު ވާހަކައާއި ނެރުނީ ކީއްވެގެންކަން ނޭނގޭ ކަމާއި އެ ގޭ އެއްވެސް މީހަކު އޭނާ ގުޅުމުން ފޯނު ނުނަގާ ވާހަކައާއި އެ ކަމުގައި އޭނާ ކުރާ ހިތާމައިގެ ވާހަކައެވެ. މޫސަގެ ކިބައިން އޭނާ އެދުނީ، ވެގެން މި އުޅޭ ގޮތެއް ސާފުކޮށްދިނުމަށެވެ. އެހެންނަމަވެސް މޫސަ ގުޅައިގެން ވެސް މުނިޔާ ފޯނު ނުނެގުމުން، އެންމެ ފަހުން ހަބީބާ ލައްވާ ވަސީމާއަށް ގުޅުވީއެވެ.

“ހުރައި ރޮއިރޮއި ފައްޖައޮ އެ ކުއްދާ އެ ވާހަކެޔާ ދެއްކޫ. މަ ހިތަށް ރަނގަޅެވޫ، ވަސީމާޓެ ބޮނެންނަ އޮތެ ފަހޭ އެޔާ ގާތު އެ ސަބަކަސް ބޮނުމާ. މަ ގާނތު ބޮނެފީ ފަހޭ އައި އަމާނާތްތެރިކަމާއެކު އެޔާ ގާނތު ބޮނެދެންނެން. (އެ ސޮރު ވަރަށް ރޮއިރޮއިފަޔޯ އެ ވާހަކަ ދެއްކީ. ވަސީމާއަށް ބުނެވެން އޮތިއްޔާ އޭނާގާތު ސަބަބު ބުނެދޭންވީނު! މަގޭ ގާތުގައި ބުނެފިއްޔާ މަ ވެސް އަމާނާތްތެރިކަމާއެކު އޭނާ ގާތުގައި ބުނެދޭނަން!)

ވަސީމާގެ ދެ ދަތްޕިލަ ބާރުވިއެވެ. އެހެންނަމަވެސް އެއިން ކަމެއް ހަބީބާއަށް އަންގާކަށް އޭނާ ބޭނުމެއް ނުވިއެވެ.  އަދި އެ މައުޟޫއާގެން ކުރިއަށް ދާކަށް ވެސް ބޭނުމެއް ނުވިއެވެ.

“ޙަބީބާ! ހާލެ ކެހެނަން؟” (ކިހިނެއް ހަބީބާގެ ހާލު؟) ވަސީމާ ވާހަކަ ބަދަލުކޮށްލީ ހަމަ ގަސްތުގައެވެ.

“ރަނގަޅެ” (ރަނގަޅު!)

“ފިރާޤުއާއި ކޫދުއަސް ރަނގަޅެ؟” (ފިރާޤާއި ކުދިންކޮޅު ގަދަވެ ތިބީ؟)

އެ މައުޟޫޢުގައި ކުރިއަށް ދާން ވަސީމާ ބޭނުން ނުވީކަން ހަބީބާއަށް އެނގުނެވެ. އެހެންކަމުން އިތުރަށް އެ ފަށާކަށް ހަބީބާ ވެސް ބޭނުމެއް ނުވިއެވެ. ވަސީމާ ދެއްކި ވާހަކަތަކުގައި ބައިވެެރިވެލާފައި ފޯނު ބޭއްވީއެވެ. ގުޅި މަޤުޞަދު ޙާޞިލުނުވެއެވެ.

ހަބީބާގެ ފޯނުކޯލު ވީ، ސާޖިދު ދެކެ ވަސީމާ އައިސްފައިވާ ރުޅި އިތުރަށް ހުޅުފަޅައިގަތް ކަމަކަށެވެ. އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތަކުގެ ވާހަކަތައް، ރަށު މީހުންނާ ހަމައަށް ދިޔުމަކީ އޭނާ އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ވަގުތާއި ހާލަތަށް ބަލާފައި، އެ ރުޅިގަނޑު ހިންދާލައިގެން، އޭނާ ތެދުވެ ހިނގައިގަތީ މުނިޔާއާ ދިމާއަށެވެ.

މުނިޔާގެ އަތަށް ގުޅާފައި ހުރި އައިވީ ފުޅި ހުސްވުމުގެ ކުރިން، ޓެސްޓްތަކުގެ ނަތީޖާ ލިބިއްޖެއެވެ. ލިބުނު ނަތީޖާއާއެކު ޑޮކްޓަރު ގެނެސްދިން ޚަބަރުން، ވަސީމާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އޭނާގެ ދެ ލޯ ބޮޑުވިއެވެ. ހިތް ތެޅިގަތެވެ. ހަތަރެސްފައި ރޫރޫލައިގަތެވެ. ފައިސަލަށް ބަލައިލެވުނީ ވަސީމާއާ ދިމާއަށެވެ. އޭރު އޭނާގެ ދެ ލޯ ވެސް ހުރީ ބޮޑުވެފައެވެ.

“ތީ ހަމަ ތެދެއްތަ؟” ޑޮކްޓަރުގެ ވާހަކަ ވަސީމާއަށް ގަބޫލު ނުކުރެވުނީ އެއް ނޫނެވެ. ގަބޫލުކުރަން ބޭނުން ނުވީއެވެ.

“އާނ! އިރާދަކުރެއްވިއްޔާ ސިއްޙީ އެއްވެސް މައްސަލައެެއް ނެތް! އެކަމަކު ތަންކޮޅެއް ބަލައިލައިގެން ކުރީ ކޮޅު އުޅެންވާނީ. އައިވީ ހުސްވީމަ ގެއަށް ފޮނުވައިލާނަން!”

ޑޮކްޓަރުގެ ވާހަކަތައް މުނިޔާގެ ކަންފަތަށް އިވެމުން ދިޔައެވެ. އޭނާއަކަށް އެއީ އާ އަޑެއް ނޫނެވެ. ނޭނގޭކަކެއް ނޫނެވެ. އޭނާއަށް އެ ކަން ފުރަތަމަ އެނގުނު ދުވަހު އުފަލުން ވަރެއް ނެތެވެ. ސާޖިދު ވެސް އޭނާއާއެކު އުފާކުރާން ހުއްޓެވެ. އެ ދުވަހު އޭނާ ދުށީ، އޭނާއަކީ މި ދުނިޔޭގައި އިން އެންމެ އުފާވެރި އަންހެން ކުއްޖާ ކަމަށެވެ. އެހެންނަމަވެސް މިއަދު އޭނާ އެ ވާހަކަތައް އަޑުއެހީ، ދެ ލޮލުން ކަރުނަ އޮހޭ ހާލުގައެވެ. އޭނާގެ ބަނޑުގައި ސާޖިދުގެ ނިޝާނެއް ގަރުބަގަންނާކަށް މިއަދު އޭނާ ނޭދެއެވެ. އެހެންނަމަވެސް އެ ކަން އެ ވަނީ ވެފައެވެ.

ވަސީމާ އިނީ އެ ތަނުގައި ހުރި ގޮނޑިއަށް ޖެހުނު ގޮތަށް، އަނގައިން ވެސް ނުބުނެއެވެ. އޭނާގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އެ އާއިލާއަށް ސާޖިދުގެ ލެެއިން އުފެދިފައިވާ ކުއްޖަކު ގެންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ސާޖިދާ އެ އާއިލާއާ އެއްވެސް ގުޅުމެއް އޮންނާކަށް އޭނާ ނޭދެއެވެ. އެހެންނަމަވެސް ކިތަންމެ ބޭނުން ނުވިޔަސް، އެކަން އެ އޮތީ ވެފައެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ؟

މުނިޔާ ހޮސްޕިޓަލުން ދޫކޮށްލުމުން، ގެއަށް އާދެވުނީ އަސުރުން އިރު ތިރިވި ފަހުންނެވެ. މުނިޔާ އައިސް ވަނީ ކޮޓަރިއަށެވެ. ފައިސަލާއި ވަސީމާ ވެސް ދިޔައީ އެ މީހުންގެ ކޮޓަރިއަށެވެ.

“އަހަރެން ބޭނުމެއް ނޫން މުނިޔާގެ ބަނޑުން، ސާޖިދުގެ ދަރިއަކު އުފަންވާކަށް.” ވަސީމާ ގޮސް ސޯފާއަށް ވެއްޓިގަތެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނިތްކުރީގައި އަތް ޖައްސާލަމުން ބޯ އޮބާލިއެވެ. ދެ ލޯ މަރާލިއެވެ.

ފައިސަލް އިނީ އެނދުގައެވެ. ވަސީމާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔަ، ވޭން ގަދަ އިހުސާސްތަކަކީ، ބަޔާންކުރަން ފަސޭހަ ވާހަކަތަކެއް ނޫނެވެ.

“ކިހިނެއް ދެން ހަދާނީ؟” ވަސީމާ ލޯ ހުޅުވާލައި، ފައިސަލްގެ މޫނަށް ބަލައިލިއެވެ. “ކިހާ ބޮޑުކަމެއް މި ޖެހުނީ.”

“ވަސީމާ! ގޯސްކޮށް ނުވިސްނަބަލަ!”

“ގޯސްކޮށް ނުވިސްނާށޭ؟” ވަސީމާގެ އަޑު ބާރުވިއެވެ. “އަހަންނަކަށް ނޭނގެ މި ކަމާދޭތެރޭ ރަނގަޅަށް ވިސްނާނެ ގޮތެއް!”

“ކީއްވެތަ މާ ކަންބޮޑުވެގެން ތި އުޅެނީ؟ ވަސީމާއަށް މާމަ ކިޔާކަށް ނޫންތަ އެ އުޅެނީ. އެއީ ކިހާ އުފާވެރި…”

“އެއީ އުފާވެރި ވާހަކައެއް ނޫން! ސާޖިދަށް ބަފާކިޔާ ކުއްޖަކު ލައްވާ، މަށަށް މާމަ ކިޔުއްވާކަށް މަށެއް ބޭނުމެއް ނޫން!” ވަސީމާ ފުންމައިގެން ތެދުވިއެވެ.

“އެކަމަކު ވެސް އެ އޮތީ އެކަން ވެފައެއްނު ވަސީމާ! އެއްވެސްކަމެއް ދެރަ ގޮތަކަށް ނުވާނެއޭ!” ފައިސަލް ބޭނުންވަނީ ވަސީމާއަށް ވިސްނައިދޭށެވެ.

“ކޮންމެހެން މަގޭ ބޮލަށް ހުތް ފެލާކަށް އުޅޭނެކަމެއް ނެތް! މި ކަން އަހަރެން ބޭނުންވާ ގޮތަށް ނިމެން ޖެހޭނީ.” ވަސީމާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.

“ކޮން ތާކަށް ތި ދަނީ؟” ކަންފަތުގައި ފޯނު ޖައްސައިގެން ގެއިން ނިކުންނާން ހިނގައިގަތުމުން، ސާޖިދުގެ އޮފީސް އެކުވެރިޔާ ސާޖިދުގެ ގާތުގައި އަހައިލިއެވެ.

ސާޖިދު އަނގައިން ނުބުނެ ފޯނަށް އިޝާރާތްކޮށްލިއެވެ. އެއަށްފަހު ބޭރަށް ނިކުތެވެ.

“ކީކޭ ބުނީ؟” ސުވާލު ކޮށްލި ގޮތުން ސާޖިދުގެ ކެތްތެރިކަން ކޮޅުން ލާފައިވާ މިންވަރު އިހުސާސްކުރެވުނެވެ.

“ކާމިޔާބެއް ނުވި.” އެ ކޮޅުން އިވުނީ މޫސަގެ އަޑެވެ. “މަންމަ ލައްވާ ގުޅުވައިގެން ވެސް ވާނުވާއެއް ނޭނގުުނު!”

ސާޖިދަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާއަށް ބޮލުގައި އަތް އުނގުޅައި ލެވުނެވެ. މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.

“ކީކޭ ބުނީ؟”

“އެ ވާހަކައާ ގުޅޭގޮތުން، ހަމަ އެއްވެސް ޖަވާބެއް ނުދިން. އެހެން ވާހަކައެއް ފެށީ.”

“ދެން ކިހިނެއް ހަދާނީ؟”

“ނިޔަމްއާ ގުޅައިގެން ސާފުވޭތޯ އަދިވެސް ބަލަންވީނު!” މޫސަ ލަފާ ދިނެވެ.

“އެ މަންޖެ ވެސް މިހާރު ފޯނެއް ނުނަގާ!”

“ވަރަށް ބޮޑު ކަންތައްގަނޑެއް ކުރިމަތިވެގެން ތި އުޅެނީ. މީހަކު ނުބައެއް ހަދައިގެންކަންނޭނގެ ތި އުޅެނީ. ސާޖިދަށް އަނެއްކާ ގޯހެއް ހެދުނީތަ؟”

“ނޫން! ގޯސް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ! ދެން އޮތްގޮތަކީ، ކިތަންމެ ރުޅި އަޔަސް، ގޮސް އެގެއަށް ވަންނުން! އެހެން ކަންނޭނގެ ހަދަންވީ.”

ސާޖިދު ބޭނުންވީ މުނިޔާމެން ގެއަށް ދާށެވެ. އެ މީހުންނާ ކުރިމަތިލައި، ސަބަބު އޮޅުންފިލުވާށެވެ. މުނިޔާ ކިތަންމެ ރުޅިއަޔަސް، އެއީ އޭނާގެ އަނބިމީހާއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މައްސަލަ އުފައްދައިގެން އެ އުޅެނީ ވަސީމާއެވެ. ސުލްޙަވެރިކަމާއެކު މައްސަލަ ހައްލުކުރެވޭތޯ އޭނާއަށް މަސައްކަތް ކުރެވިއްޖެއެވެ. ދަގަނޑު ކެނޑޭނީ ދަގަނޑުންނޭ މުސްކުޅިން ބުނެއެވެ. ދެން އޮތީ އެ ގޮތެވެ.

ސާޖިދު ގެއިން ނިކުތްގޮތަށް މިސްރާބުޖެހީ، މުނިޔާމެން ގެއާ ދިމާއަށެވެ. ނާރުތަކުގައި ހިނގަމުން ދިޔަ ލޭ އަވަސްވެފައިވާތީ، އޭނާއަށް ސައިކަލް ދުއްވުނީ ވެސް ވަރަށް ބާރަށެވެ. އޭނާ ނިންމައިގެން ހުރީ ދާ ގޮތަށް ގޮސް އެ ގެއަށް ވަންނާށެވެ. ކުރިމަތިލީ ކޮންމެ މީހަކާ ކުރިމަތިލާށެވެ. ބުނި ކޮންމެ އެއްޗަކަށް އެއްޗެއް ބުނާށެވެ. ހަޤީޤަތް ހާމަކުރާށެވެ. އޭނާއަށް ދޭ އަނިޔާއަކީ ކުށެއް ނެތި ދެމުން ގެންދާ އަނިޔާއެއްކަން ސާބިތުކޮށްދޭށެވެ.

އެކަމަކު އެ ގެ ތަޅުލާފައި ވެސް ހުރެދާނެއެވެ. އެހެން ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ބާވައެވެ؟ ތަޅުލާފައި ހުރިއްޔާ ގައިގައި ހުރި ބާރެއްލާފައި ދޮރުފަތުގައި ތަޅައިގަންނާނީއެވެ. ކާކުތޯ ބަލަން ނަމަވެސް ކޮންމެވެސް މީހަކު އައިސް ދޮރު ހުޅުވާނެތާއެވެ. ހުޅުވާއިރަށް ގޭތެރެއަށް ދެމިގަންނާނީއެވެ. ވެގެން އުޅޭގޮތް ސާފު ނުވަނީހެއް ނުނިކުންނާނަމެވެ.

ސާޖިދު އެ ދިޔަ ގޮތަށް ގޮސް، އެ ގޭ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. ސައިކަލް ޕާކުކޮށްފައި، އޭނާ ހިނގައިގަތެވެ. ދެ ފަޔަށް ބާރުލާފައި، އެ ދިޔަ ގޮތަށް ގޮސް، ދޮރޯށީގެ ތަޅުގައި ހިފައި އަނބުރާލިއެވެ. ދޮރޯށި ހުރީ ތަޅުނުލައެވެ. އޭނާ ވަގުތުން ހުޅުވާލިއެވެ. ބޯ ދީ އެތެެރެއަށް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަޑެއްބަޑެއް ނީވެއެވެ. ވެރިވެފައި ވަނީ ފަޅުކަމެވެ. އެކަނިވެރިކަމެވެ.

ސާޖިދު އެ ހުރި ފިޔަވަޅުމަތީގައި މަޑުކޮށްލިއެވެ. އޭނާ ވިސްނައިލިއެވެ. ހަދާނެ ގޮތަކާމެދުގައެވެ. ވަންނާންވީ ބާވައެވެ؟ ކަމެއްކުރާއިރު އެންމެ ބޮޑަށް ވިސްނާންޖެހޭނީ މަސްލަޙަތަށެވެ. އަންނަ ރުޅީގައި ވިސްނައިނުލައި އެޅޭ އެންމެ ކަތި ފިޔަވަޅަކުން ވެސް، އަލިފާންގަނޑެއް އުފެދިދާނެެއެވެ. އޭގެ ދިލަ ހޫނުން މުޅި ހަޔާތް އަޅިއަށް ހަދައިލަފާނެއެވެ. އެ ކަހަލަ ފިޔަވަޅެއް އެޅުމަށްވުރެ، އަދި ވެސް މަސްލަޙަތަށް އިސްކަންދިނުން މުހިންމެވެ.

ސާޖިދުގެ ވިސްނުން މުޅީން ބަދަލުވެއްޖެއެވެ. އޭނާ ނިންމައިގެން އައި އައުން އޭނާގެ އަތުން ދޫވެއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ، ދޮރޯށި ލައްޕާފައި، މަޑުމައިތިރިކަމާއި ހަމަހިމޭންކަމާއެކު އެނބުރި އައިކޮޅަށް ދާށެވެ. ކެތްތެރިކަން އިސްކުރާށެވެ. އެ މީހުންނަށް ކަމުގެ ހަޤީޤަތް ވިސްނިގެން، ގޮވައިލާނެ ދުވަހަކަށް އިންތިޒާރުކުރާށެވެ. އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަހެއް ނުވެ، އެ ދުވަސް އޭނާގެ ހަޔާތަށް އަންނާނެއެވެ.

ދޮރޯށި ލައްޕާފައި އެނބުރެލިއިރު، ސާޖިދުގެ ދެ ލޮލުން ކަރުނަ އޮހެން ފަށައިފިއެވެ. އޭނާ ދެ ލޯ ފޮހެލިއެވެ. ސައިކަލާ ދިމާއަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދިޔަތަނާ، އޭނާގެ ސިކުނޑީގައި އެހެން ޚިޔާލެއް މުގޯލިއަޅާލައިފިއެވެ. ކުރުކާލިކަނޑާލައިފިއެވެ. ހަވަނަ ހިއްސު ބުނާން ފަށައިފިއެވެ. މި ކަހަލަ ރަނގަޅު ފުރުސަތެއް ލިބުމުން، ތިޔަ ގޮތަށް އެނބުރި ދިޔުމަކީ މޮޔަކަމެކެވެ. އެ ގޮތަށް ދޮރޯށި ތަޅުނުލައި ހުންނާނީ މަދު ފަހަރަކުއެވެ. މިއީ ނަސީބު އަތުގައި ހިފާފައި ހުރި ފަހަރެކެވެ. މަސްލަޙަތަށޭ ކިޔާފައި، އެ ފުރުސަތު ދޫކޮށްނުލާށެވެ! އަލުން އެނބުރި ދާށެވެ! ގޮސް އެ ގެއަށް ވަންނާށެވެ! މުނިޔާއާ ބައްދަލުކުރާށެވެ! ވެގެން އުޅޭ ގޮތް އަހައި އޮޅުންފިލުވާށެވެ! އެހެންނޫނީ ދުވަހަކު ވެސް ތި ކަމަކުން ސަލާމަތެއް ނުވާނެއެވެ.

ސާޖިދުގެ ވިސްނުން އަނެއްކާވެސް ބަދަލުވެއްޖެއެވެ. އޭނާ އެނބުރި އެ ގެއާ ދިމާއަށް ހިނގައިގެންފިއެވެ. އެ ދިޔަގޮތަށް ގޮސް، ދޮރޯށި ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ. ގޭތެރެއަށް ވެސް ވަދެއްޖެއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހުރިހައި ކޮޓަރިއެއް ވެސް ހުރީ ދޮރުލައްޕާފައެވެ. ކޮންމެ ކޮޓަރިއެއްގައި ވެސް މީހުން އުޅޭކަން ކަށަވަރެވެ. ފަންކާގެ އަޑު އިވެއެވެ.

ގެއަށް ވަންނައިރު އެންމެ ފުރަތަމަ ޖެހޭނީ ނިޔަމްެގެ ކޮޓަރިއެވެ. އެ ކޮޓަރިއާ ޖެހިގެން ހުންނާނީ މުނިޔާގެ ކޮޓަރިއެވެ. މަންމަމެންގެ ކޮޓަރި ހުންނާނީ އަނެއް ފަރާތުގައެވެ. ބަދިގެ ކައިރީގައެވެ.

އިރުކޮޅަކު ވިސްނައިލާން ހުރެފައި، ސާޖިދު މަޑުމަޑުން ހިނގައިގައިގެންފިއެވެ. މުނިޔާގެ ކޮޓަރިއާ ދިމާއަށެވެ. އޭނާ ކުރިއަށް ދިޔައީ ވަރަށް މަޑުންނެވެ. އޭނާ އެ ގެއަށް ވަންކަން އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ޚާއްޞަކޮށް ވަސީމާއަށް އެނގޭކަށް އެއްގޮތަކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ ވަރަށް ސިއްރުން ގޮސް މުނިޔާގެ ކޮޓަރިއަށް ވަންނާށެވެ. މުނިޔާއާ ބައްދަލުވާށެވެ. ވެގެން އުޅޭ ގޮތް އަހައި އޮޅުންފިލުވާށެވެ. އޭނާ ކުރިމައްޗަށް އަރައި، މުނިޔާއާ ވާހަކަ ދެއްކުމުން އަނގައިން ނުބުނެ ހުންނާކަށް ނުކެރޭނެއެވެ. އެ ފަދަ ހިތްވަރެއް އޭނާއަކަށް ނުލިބޭނެއެވެ. އޭނާ ސުވާލުކުރުމުން ޖަވާބު ނުދީ ހުންނާކަށް ވެސް ނުކެރޭނެއެވެ. އެއީ އެހައި ހިތް ހަރު ކުއްޖެއް ނޫނެވެ.

ފިޔަވަޅުގެ އަޑުވެސް ނީވޭހައި މަޑުން ސާޖިދު ކުރިއަށް ދިޔައެވެ. ވައްކަންކުރާން ވަދެ އުޅޭ ވަގަކު ފަދައިންނެވެ. އޭނާއަށް ގޮސް ނިޔަމްގެ ކޮޓަރިއާ އަރައި ހަމަވި ވަގުތު، ނިޔަމްގެ ކޮޓަރީ ދޮރު ހުޅުވިއްޖެއެވެ. އެ ވަގުތު އޭނާ ދިޔައީ ސިއްސައިގެންނެެވެ. ލިބުނު ކުއްލި ސިހުމާއެކު އަވަސްއަވަހަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާއަށް ފެނުނީ ނިޔަމްއެވެ. އޭނާގެ ރަތްވެ، ތާޒާކަން ނެތިފައިވާ މޫނެވެ. ވަޅުވަދެ، ފާރުވެފައިވާ ދެ ލޮލެވެ. މި ބަދަލުތައް ފެނިފައި ސާޖިދުގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ.

ސާޖިދު ފެނުމާއެކު ނިޔަމްއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހީވީ ބޮޑު ބިރެއް ފެނުނުހެންނެވެ. ވަގުތުން އިސްދަަށަށް ޖެހުނެވެ. ސާޖިދާ ދިމާއަށް އެއް ފަހަރު ވެސް ބަލައިލާން ބޭނުންނުވިއެވެ. އޭނާ އުޅެވުނީ އަވަސްއަވަހަށް ދޮރު ލައްޕާށެވެ. ތަޅުލާށެވެ. އެހެންނަމަވެސް އޭގެކުރިން ސާޖިދު ދޮރުފަތުގައި ހިފެހެއްޓިއެެވެ. ދޮރު ލެއްޕުމަށް ހުރަސްއެޅިއެވެ.

“މަޑުކޮށްބަލަ ނިޔޫ!” ދޮރުފަތުގައި ހިފަހައްޓަމުން ވައިއަޑުން ސާޖިދު ބުންޏެވެ.

ނިޔަމްއަކަށް ދޮރެއް ނުލެއްޕުނެވެ. ނިޔަމްގެ ސިފައާއި ހަރަކާތްތައް ހުރި ގޮތުން، ސާޖިދުގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. އޭނާ ބޭނުންވަނީ ނިޔަމްއާ އެ ސުވާލުތައް ކުރާށެވެ. ތި ހުރީ ކިހިނެއް ވެފައި ހެއްޔެވެ؟ ތި ވަރުގެ ބޮޑު ހިތާމައެއް ތިޔަ ކުރަނީ ކޮން ކަމަަކާ ހެއްޔެވެ؟ ގުޅާގުޅާ ފޯނު ނުނަގަނީ ކީއްވެގެން ހެއްޔެވެ؟ ދޮންތަބެ ފެނުމުން ތި ވަރުގެ ބޮޑު ބިރެއް ތިޔަ ގަތީ ކީއްވެެގެން ހެއްޔެވެ؟ މި ކަހަލަ އެތައް ސުވާލެކެވެ.

“ނިޔޫ!” ވައިއަޑުން ސާޖިދު ގޮވައިލިއެވެ.

ސާޖިދަކަށް ނިޔަމްއެއް ނުފެނެއެވެ. އޭނާ ހުރީ ކޮަޓަރި ތެރޭގައެވެ. ދޮރުފަތުގެ ނިވަލުގައެވެ. އިސްދަށަށް ޖަހައިގެންނެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެއެވެ. ލަދުވެތިކަމާއި ކަންބޮޑުވުމާއި ހާސްކަން އޭނާ ވަށާލައިފައި ވަނީ، ބޯ ދަގަނޑު ފާރެއް ފަދައިންނެވެ. އެހެން ހުއްޓާ އިރުކޮަޅުކުން އޭނާގެ ދެ ލޮލުން އޮހެންފެށީ ކަރުނައެވެ.

“ނިޔޫ! ކޮންފަދަ މުސީބާތެއް ލައިގަނެގެންތަ މި އުޅެނީ؟ ދޮންތަބެއަށް ހަމަ އެއް ކަމެއް  ވެސް ނޭނގެ!” ނިޔަމްއަށް އިވޭވަރަށް ވައި އަޑުން ސާޖިދު ބުންޏެވެ.

ސާޖިދުގެ ކަންފަތުގައި އެ ވަގުތު ޖެހުނީ، ނިޔަމްގެ ގިސްލުމުގެ އަޑެވެ.

“ނިޔޫ! ރޮނީތަ؟” ސާޖިދަށް އަވަސްއަވަހަށް އަހައިލެވުނެވެ. ދޮރުފަތުގެ ނިވަލުގައި ހުރި ނިޔަމްގެ މޫނަށް ބަލައިލަން މަސައްކަތް ކުރަމުންނެވެ. އެ ވަގުތު ނިޔަމްގެ ގިސްލުމުގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ.

“ނިޔޫ!” ކޮޓަރިތެރެއަށް އެއް ފައި އެޅުމަށްފަހު، ދޮރުފަތުގެ ނިވަލުގައި ހުރި ނިޔަމްއާ ދިމާއަށް ސާޖިދު ބަލައިލިއެވެ. އޭރު ނިޔަމް ހުރީ ސާޖިދަށް ފުރަގަސް ދީގެން މޫނުގައި އަތް އަޅައިގެންނެވެ. އޭނާ މަޑުމަޑުން ރޮމުން ގެންދެއެވެ. އަށިގަނޑަށް އަންނަ ހަރަކާތުންނާއި އިވޭ މަޑުމަޑު އަޑުން އެ ކަން ކަށަވަރުވެއެވެ.

“ޕްލީޒް ނިޔޫ! ނުރޮއި. ނިޔޫ ރޯތަން ފެނުނީމަ ދޮންތަބެ ވަރަށް ދެރަވޭ!”

“މި ކޮޓަރިއަށް ނުވަދޭ ދޮންތަބޭ!” އެ ހުރި ގޮތަށް ނިޔަމް ހުއްޓާ، ގިސްލުމުގެ ވޭނީ އުދާހާއެކުވެގެން ނިޔަމް އަޑު އައިސް ސާޖިދުގެ ކަންފަތާ ހަމައަށް ފޯރިއެވެ.

އެއީ ސާޖިދު ނުވަންނަ ކޮޓަރިއެއް ނޫނެވެ. ވަނުން މަނާ ކޮޓަރިއެއް ވެސް ނޫނެވެ. ނިޔަމްއާއެކު އެ ކޮޓަރީގައި ވާހަކަ ދައްކަން އޭނާ އިނދެއެވެ. އެ ކޮޓަރި ސާފުކުރަން ވެސް ވަދެއެވެ. މިއަދު ނިޔަމް އެހެން ބުނާންވީ ކީއްވެގެން ބާވައެވެ؟ ސާޖިދު ބޭނުންވީ ނިޔަމްއާ އެ ސުވާލުކުރާށެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު، ޖެހިގެން ހުރި މުނިޔާގެ ކޮޓަރީ ދޮރު ހުޅުވުނު އަޑު އިވުނެވެ. ލިބުނު ސިހުމާއެކު، ސާޖިދަށް އެ ދިމާއަށް ބަލައިލެވުނެވެ. ނިކުންނަތަން ފެނުނީ ވަސީމާއެވެ. ސާޖިދުގެ ދެ ލޯ ބޮޑުވިއެވެ. މޭ ތެޅިގަތެވެ.

ސާޖިދު އަވަސްއަވަހަށް ނިޔަމްެގެ ކޮޓަރިއަށް ދެމިގަތެވެ. މަޑުމަޑުން ދޮރު ލެއްޕިއެވެ. އަޑުނީވޭހައި ސިއްރުސިއްރުން ތަޅުލިއެވެ. އޭނާ ދޮރުފަތުގައި ލެނގިލައި، ދެ ލޯ މަރައިލިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު އޭނާގެ މޭގެ ތެޅުން ވަނީ ހަލުއިވެފައެވެ. ިތަށް އަރަމުން ދިޔައެވެ. މި ކުރެވުނީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ މި ތަނުގައި ހުއްޓާ ގޭ މީހަކަށް ފެނިއްޖެއްޔާ، ނުބައި ގޮތަކަށް ވެސް ހީކޮށްފާނެއެވެ.

ސާޖިދު ލޯ ހުޅުވައިލިއެވެ. އޭރު ނިޔަމް އިނީ އެނދުމަތީގައި ސާޖިދަށް ފުރަގަސް ދީގެންނެވެ. އޭނާއަށް އޭރުވެސް ގިސްލެވެއެވެ. އިރުއިރުކޮޅުން ދެ ލޯ ފޮހެލައެވެ. ސާޖިދު އުޅުނީ ކުރިއަށް ފިޔަވަޅެއް އަޅާށެވެ. ނިޔަމްގާތަށް ގޮސް، ވެގެން އުޅޭގޮތް ސާފުކުރާށެވެ. އެހެންނަމަވެސް އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. މުނިޔާގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

“މަންމާ! އަޅެ ޕްލީޒް!”

“ބުނާ ގޮތް ނެހެދެންޏާ މަށަށް މަންމަ ކިޔާނެކަމެއް ނެތް!” މުނިޔާގެ ޖުމުލައާ ވިއްދައި ދެން އިވުނީ ވަސީމާގެ ޒީލައަޑެވެ. “މީގެ ކުރިން މަ ހީކުރަމުން އައީ ތީ ވަރަށް ބަސްއަހައި، ކިޔަމަންތެރި ދަރިއެއް ކަމަށް. އެކަަމަކު މިއަދު އެނގިއްޖެ ކަލޭގެ ފެންވަރު!”

“މަންމާ! ހެޔޮނުވާނެ! އަހަރެން މި ބުނާ އެއްޗެއް ވެސް އަޑުއަހާލަބަލަ!”

“ކަލޭގެ ބަނޑުގައެއް ނޫނޭ ނުވަ މަސްވާންދެން މަ އޮތީކީ.” ވަސީމާގެ އަޑު މި ފަހަރު އަދި ވަކިން ބާރުވިއެވެ. “މަދައްކާ ވާހަކަ ކަލެއަށް އެބަ އަޑު އެހޭތަ؟ އެބަ އަޑު އަހަންތަ؟” ވަސީމާ ހުރީ ބަދިގޭ ސިންކު ކައިރީގައެވެ. ރޮވިފައި ހުރި މުނިޔާ، ވަސީމާގެ ގާތުގައި ހުއްޓެވެ. ނިކަމެތިވެ އިސްޖެހިފައެވެ.

“މަންމާ! މަންމަ ބުނާ ކޮންމެ ކަމެއް ވެސް އަހަރެން ކޮށްފާނަން!” މުނިޔާ ވާހަކަ ދެއްކީ ރޮމުންނެވެ.

“ނުކުރަމެއްނު! ދިމާއަށް ބުނެފީމެއްނު ނުކުރާނަމޭ ވެސް! ކަލޭ އަދިވެސް ތި އުޅެނީ، އެއްޗެކޭ މި އެއްޗެކޭ ކިޔައިގެން، އެ ސާޖިދު މި ގެއަށް އޮޅުކުރާކަށްނު!” ވަސީމާގެ ރުޅި ހުރީ އިންތިހާއަށް އަރައިފައެވެ.

“ނޫން މަންމާ!”

“ދެން ކީއްވެ އެއްބަސް ނުވެވިގެން ތި އުޅެނީ؟”

“އެއީ… އެއީ… ވަރަށް ބޮޑު ފާފައެއް! އެ ކަހަލަ ފާފައަކަށް އަރައިގަންނާކަށް ނުކެރޭނެ! އަހަރެން ވަރަށް ބިރުގަނޭ!”

“ހަމަ މިހާރު މަގޭ ކުރިމަތިން ދާންއުޅޭ!” ވަސީމާ ހަޅޭއްލަވައިގަންނަމުން، މުނިޔާގެ ކޮނޑުގައި އަތް އަޅައި ބާރަށް ކޮއްޕާލިއެވެ. އެ ކަމަށް ސަމާލުނުވެ ހުރި މުނިޔާ ކުއްލިއަކަށް އަރިއަޅަައިލިއެވެ. ލިބުނު ސިހުމާއެކު މުނިޔާއަށް ހަޅޭއްލަވައިގަނެވުނެވެ. ސާޖިދަށް ބޭއިޚުތިޔާރުގައި ދޮރާ ދިމާއަށް ފިޔަވަޅުއެޅުނެވެ.

އެ ތަނުގައި ހުރި ކަބަޑުގައި ހިފެހެއްޓުނުކަމުން މުނިޔާ ނުވެއްޓި ސަލާމަތްވިއެެވެ. އެހެންނަމަވެސް އެ ކަމެއް ސާޖިދަކަށް ނޭނގެއެވެ. އޭނާއަށް ކަށަަރުވީ، ވަސީމާގެ ފުށުން މުނިޔާއަަށް ވަރަށް ބޮޑު އަނިޔާއެއް ލިބިއްޖެކަމެވެ. އެ ވަގުތު އޭނާގެ ހިތަށް ތަދުވިއެވެ. ވަރަށް ބޮޑަށެވެ. މުނިޔާއަކީ ހަމައެނި އޭނާގެ އަނތްބެއް ނޫނެވެ. އޭނާގެ އަލަތު ދަރިފުޅުގެ މަންމައެވެ. މުނިޔާ ހިތުގައި ޖައްސައި، ރޮއްވުމަކީ، އޭނާގެ ހިތުން ކަރުނަ އޮހޭ ކަމެވެ. އެހެން ހުއްޓާ މުނިޔާއަށް އަނިޔާއެއް ލިބޭ ފަދަ ކަމެއް ކުރުން އޭނާއަށް ކެތްވާ ވަރުގެ ކަމަކަށް ނުވިއެވެ.

ކޮޓަރިން ނިކުތުމަށް ޓަކައި، ކުރިއަށް އެޅި ދެވަނަ ފިޔަވަޅާއެކު އޭނާގެ ފިޔަވަޅަށް ހުއްޓުން އެރުވީ، އެނދުމަތީގައި ރޮވިފައި އިން ނިޔަމްއެވެ. ނިޔަމް ދުވެފައި ކަހަލަ ގޮތަކަށް އައިސް، ސާޖިދުގެ އަތުގައި ހިފެހެއްޓިއެވެ. ކަރުނައިން ފޯވެފައިވާ ދެ ލޮލުން ސާޖިދާ ދިމާއަށް ބަލައިލަމުން ބޯ ހަލުވައިލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ކޮޓަރިން ނުނިކުންނާށޭ ބުނުމުގެ ގޮތުންނެވެ. ސާޖިދުގެ ފިރިހެން ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައި މަޑުޖެހުނެވެ.

އެ ހާލަތުގައި އެ ކޮޓަރިން ސާޖިދު ނިކުމެއްޖެ ނަމަ ދެން ވާނޭ ގޮތް ސާޖިދަށް ނޭނގުނަސް ނިޔަމްއަށް އެނގެއެވެ. މިހާރު ވެސް ހުޅުފަޅައިގެންފައި އޮތް ގޭތެރެ އަނދައި އަޅިއަށް ވާކަށް އޭނާ ނޭދެއެވެ.

މުނިޔާގެ ކޮނޑުގައި އަތް އަޅައި ވަސީމާ ކޮއްޕާލިތަން، ކޮޓަރީގައި ހުރި ފައިސަލަށް ފެނުނެވެ. އެ ހިތި މަންޒަރު ފެނިފައި، އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާގެ ދެ ދަރިންނަކީ، އޭނާ އިންތިހާއަށް ލޯބިވާ ދެ ދަރިންނެވެ. އެއިން އެެންމެ ކުއްޖެއްގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭ މަންޒަރު ވެސް ދުށުމަކީ، އޭނާއަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޭނާ އަބަދުވެސް ދެކެން ބޭނުންވަނީ، އެ ކުދިންގެ އަލިވެފައިވާ މޫނެވެ. އުފާވެރި ހިނިތުންވުމެވެ. އެހެންނަމަވެސް މިހާރު އަބަދުވެސް ފެންނަނީ ހިތާމައިން ފޯވެފައިވާ މޫނެވެ. ކަރުނައިން ތެމިފައިވާ ދެ ލޮލެވެ.

އެހެން އެކަން އޮއްވާ، މިއަދު މި ފެށުނީ ވަސީމާގެ ކިބައިން މުނިޔާއަށް އަނިޔާ ލިބޭންފެށި ތަނެވެ. އަލަތު ދަރިފުޅަށް އެ ކުއްޖާ ބަލިވެ އިންދާ، އެ ގޮތަށް ރޮއްވައި، އަނިޔާދީ ހަދަން ހެޔޮވާނެ ހެއްޔެވެ؟ ފައިސަލަށް ވުސްޖަހާފައި ކޮޓަރިން ނިކުމެވުނެވެ.

“ވަސީމާ!” ކޮޓަރިން ނިކުތްގޮތަށް ގޮސް މުނިޔާގެ ގައިގައި ފައިސަލް ހިފެހެއްޓިއެވެ. “މޮޔަވެގެންތަ ވަސީމާ ތި އުޅެނީ؟” ފައިސަލް ހުރީ ރުޅިއައިސް ފުފިފައެވެ. ދެ ލޯ ބޮޑުވެ، ދެ އަސަރުން ރަތްވެފައެވެ.

“އާނ! މޮޔަވެއްޖެ! ހަމަ ރަނގަޅަށް ވެސް މޮޔަވެއްޖެ!” ވަސީމާއަށް ރޮވިއްޖެއެވެ. “އަހަރެން ބޭނުމެއް ނޫން ދެން މި ދުނިޔޭގައި އެންމެ ހިނދުކޮޅަކު ވެސް އުޅޭކަށް. މިހިރަ ކަންކަން ދެކޭކަށް އަހަންނަކަށް ކެތެއް ނުވާނެ!” ވަސީމާ އަޑުން އަޑުނަގައި ރޯންފެށިއެވެ.

ވަސީމާ ރޯންފެށުމުން، ފައިސަލްގެ ރުޅިގަނޑު ކުއްލިއަކަށް މަޑުވެ، މީހާ ފިނިވެއްޖެއެވެ. އެއާއެކު ދެ ލޮލުން ކަރުނަ އޮހިގަތެވެ. ވަސީމާއަކީ ކިތަންމެ ރުންކުރު އަންހެނެއް ނަަމަވެސް، ދަރިންދެކެ ވަރަށް ލޯބިވާ މަޔެކެވެ. އޭނާ އެ ކުދިން ގެންގުޅެ ބޮޑުކުރީ، އެއްޗެހި ކިޔައި، އަނިޔާ ކޮށްގެނެއް ނޫނެވެ. ފުރިހަމަ ތަރުބިއްޔަތު ދީގެންެނެވެ. މިއަދު އޭނާއަށް އައިސްފައިވާ އެ ވާ ބަދަލުތަކުގެ އަސްލަކީ ކޮބައިކަމާމެދު ފައިސަލަށް ވިސްނައިލެވުނެވެ. ގޭތެރެ ހިތާމައިގެ ވަޅުގަނޑަކަށް ފެތިފައިި މި ވަނީ، އޭނާގެ ސަބަބަުންނެވެ.

ވަސީމާ ރޮމުންރޮމުން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ވެސް ފައިސަލް ހުރީ، މުނިޔާގެ ގައިގައި ހިފެހެއްޓި ގޮތަށެވެ. ފައިސަލްގެ ކޮނޑުގައި ބޯ ޖަހައިގެން ހުރެ، މުނިޔާ ވެސް ރޮނީއެވެ. ފައިސަލް ވިސްނަމުން ގެންދިޔައީ ދެން ކަންތައް ކުރާނޭ ގޮތަކާމެދުގައެވެ. އާއިލާ ހަނާވެ، ފާނާވާއިރު، މި ގޮތަށް ފިނޑިވެ، ހައްޕު ކިޔައިގެން ހުރުމަކީ ކަމުދާ ގޮތެއް ނޫނެވެ. ދެ ދަރިން ދެ ހަތުރުންނަށްވެ، ވަސީމާ ދުނިޔެއިން މޮޔަވަނީއެވެ.

ވަސީމާ ހަމައަކަށް އަޅުވަން ތަންކޮޅެއް އުނދަގޫވާނެއެވެ. އެހެންނަމަވެސް ދެ ދަރީންގެ ގުޅުން ރަނގަޅުކުރެވޭތޯ ބަލަންވީއެވެ. އޭރުން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ގޭތެރެެއިން ފެންނާނެއެވެ. ފައިސަލަށް ވިސްނުނު އެއްޗަކީ މިއެވެ. އެކަމަކު އެކަން ކުރާނީ ކިހނެއް ހެއްޔެވެ؟ އެ ކުދިންގެ ހިތުގައި ޖެހިފައި އެ ވަނީ އާދައިގެ ލައްގަނޑެއް ނޫނެވެ. ޙަޤީޤަތެއް ނެތް، އެހެނަސް ފަސޭކުރަން އުނދަގޫ ބޮޑު ޒަޚަމެކެވެ. ދިލަ ގަދަ ވޭން ބޮޑު ޒަޚަމެކެވެ.

ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު، ފައިސަލް ނިންމީ، މުނިޔާ ގޮވައިގެން ނިޔަމްގެ ކޮޓަރިއަށް ދާށެވެ. ދެ ކުދިން އެއް ތަނެއްގައި ބައިތިއްބައިގެން ވާހަކަ ދައްކާށެވެ. ދެ ދަރީންގެ ދެމެދުގައި އަދަމުންދާ އަލިފާންގަނޑު ނިވާލެވޭތޯ މަސައްކަތް ކުރާށެވެ. އެހެން ގޮތެއް ނެތިއްޔާ ޙަޤީޤަތް ކިޔައިދީގެން ވެސް މައްސަލަ ޙައްލުކުރާށެވެ.

“ހިނގާ ދަރިފުޅާ!” ފައިސަލްގެ އަޑު ތުރުތުރު އަޅައެވެ.

މުނިޔާ ހިނގައިގަތެވެ. އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ފައިސަލްގެ ހިތުގައި އޮތް އެއްޗެއް އޭނާއަކަށް ނޭނގެއެވެ. އޭރުވެސް ފައިސަލް ހުރީ މުނިޔާގެ ގައިގައި ހިފަހައްޓައިގެންނެވެ. ފައިސަލްގެ ފިޔަވަޅަށް ހުއްޓުން އެރުމާއެކު މުނިޔާ ވެސް ހުއްޓުނެވެ.

“ދަރިފުޅު ގާތުގައި ބައްޕަ ވާހަކައެއް އަހައިލަންތަ؟”

ދެ ލޮލުން ކަރުނަ ފޮހެލަމުން، މުނިޔާ ބޯ ޖަހައިލިއެވެ. އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“ދަރިފުޅު ބޭނުންތަ ކޮއްކޮއާ ވާހަކަ ދައްކަން؟”

ބައްޕަގެ އެ ސުވާލާއެކު މުނިޔާގެ ހިތް ތެޅިގަތެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ، ފައިސަލްގެ މޫނަށް ބަލަން ހުއްޓެވެ. އެހެން ހުއްޓާ އަނެއްކާ ވެސް ދެ ލޮލުން އޮހިގަތީ ކަރުނައެވެ.

“ދަރިފުޅާ! ބައްޕަ ހާދަ ދެރަވޭ! ތިޔައީ ކިހައި އެކުވެރިކޮށް، ގާތްކޮށް އުޅުނު ދެ ކުދިން. އެކަމަކު މިއަދު ކިހިނެއް ތި ވީ؟ ދަރުފުޅު ބޭނުންތަ ތި ދެކުދިންގެ މެދުގައި ކުރިން އޮތް ގާތްގުޅުން އުފެދެން؟” ފައިސަލަށް ރޮވުނެވެ. އޭނާ ދެ ލޯ ފޮހެލިއެވެ.

މުނިޔާ އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި ބޯ ޖަހައިލިއެވެ. އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“އެހެންވިއްޔާ ހިނގާ ކޮއްކޮގެ ކޮޓަރިއަށް!”

މުނިޔާ ގޮވައިގެން ފައިސަލް ހިނގައިގަތެވެ. ނިޔަމްގެ ކޮޓަރިއާ ދިމާއަށެވެ. އެހެންނަމަވެސް އެ ކޮޓަރިއާ ދިމާއަށް މުނިޔާ އަޅަމުން ދިޔައީ، މާ ލުއިލުއި ފަސޭހަ ފިޔަވަޅުތަކެއް ނޫނެވެ. އުނދަގޫ، އެހައިމެ ބަރު ފިޔަވަޅުތަކެކެވެ. އެތައް ސަބަބެއް ހުރެގެންނެވެ. ފުރަތަމަ ކަމަކީ ކޮއްކޮ ކުރި ވިޔާނުދާ އަމަލެވެ. ދެވަނަ ކަމަކީ، އެ ދުވަހު ކޮއްކޮ އޭނާއާ ކުރިމަތިލި ގޮތެވެ. ތިންވަނަ ކަމަކީ، ކޮއްކޮ އަނެއްކާ ވެސް ހަމަ އެ ގޮތަށް އޭނާއާ ކުރިމަތިލައިފާނެތީ ގަންނަ ބިރެވެ. އެެހެންނަމަވެސް ބައްޕަ އެ ގޮތަށް އެދުނީމާ ނޫނެކޭ ބުނާނެ ހިތްވަރު ނުލިބުނީއެވެ. ބައްޕަގެ ފިޔަވަޅު މަތީގައި ފިޔަވަޅު އަޅާން އޭނާ ފެށީ އެހެންވެއެވެ.

ފައިސަލާއި މުނިޔާ ގޮސް ނިޔަމްގެ ކޮޓަރީ ދޮރުމައްޗަށް ހުއްޓުނެވެ. އޭރު މުނިޔާގެ މޭ ބާރުބާރަށް ތެޅެއެވެ. ބޮލުގައި އިންތިހާއަށް ރިހެއެވެ. ބައްޕަ ކުރާން މި އުޅެނީ ކަމުދާ ކަހަލަ ކަމެއް ބާވައެވެ؟ ކޮއްކޮގެ އަމަލުތައް މި ފަހަރު ހުންނާނީ ކޮން ގޮތަކަށް ބާވައެވެ؟ ބައްޕައަށް ބުނެވޭ އެއްޗަކުން ވެސް ކޮއްކޮގެ ރުޅި ކޮންޓްރޯލުން ނައްޓަފާނެއެވެ. އޭނާގެ ހަނދާނަށް އަންނަނީ ކުރީ ދުވަހު ކޮއްކޮ ކަންކުރި އަނިޔާވެރި ގޮތެވެ.

“ދަރިފުޅާ ނިޔަމް!” ފައިސަލް ގޮސް ނިޔަމްގެ ކޮޓަރީ ދޮރުފަތުގައި މަޑުމަޑުން ޓަކި ޖަހާލިއެވެ. ދެ ފަހަރު ތިން ފަހަރު ޖަހައިލުމުން ވެސް، ނިޔަމްގެ ޚަބަރެއް ނުވިއެވެ. “ދަރިފުޅާ! ހުޅުވަބަލަ! މީ ބައްޕައޭ!”

ނިޔަމްގެ ޚަބަރެއް ނުވިއެވެ. ގޮވައިގޮވައި ޖަވާބެއް ނުލިބުނެވެ. މުނިޔާއަށް ކަށަވަރުވީ ނިޔަމް ހަމަ ގަސްތުގައި ދޮރު ނުހުޅުވީ ކަމެވެ. އޭނާ އެ ތަނުގައި ހުރިކަން އެނގޭތީ ހުޅުވާން ބޭނުން ނުވީ ކަމެވެ. އެހެންނަމަވެސް ޙަޤީޤަތަކީ އެއީ އެއް ނޫނެވެ. ނިޔަމް ހުރީ ހުޅުވާން ބޭނުންވެފައެވެ. ވަރަށް ބޮޑަށް ބޭނުންވެފައެވެ. ދޮންތައާ ވާހަކަ ދައްކަން އޭނާ ނިހާޔަތަށް ބޭނުންވެއެވެ. ކުށެއް ކުރެވިފައި އޮތް ނަމަ، ދޮންތަގެ ކިބައިން މާފަށް އެދި، ކުރިން އޮތް ގާތް ގުޅުން ދަމަހައްޓަން ބޭނުންވެއެވެ. އެހެންނަމަވެސް ސާޖިދު އެ ކޮޓަރީގައި ހުއްޓާ ހުޅުވާނީ ކިިނެއް ހެއްޔެވެ؟ ނިޔަމް ހުރީ ހާސްވެ ދާހިއްލާ ފޯވެފައެވެ.

“ބައްޕާ! ކޮއްކޮ ފަހަރެއްގައި ފާޚާނާގައި އުޅެނީކަމަށް ވެސް ބެދާނެ! އޮށޯވެލަން އަަހަރެން ބޭނުން! ވަރަށް ބޮޑަށް ބޮލުގައި އެބަ ރިއްސާ!”

މުނިޔާ ގެންގޮސް އޭނާގެ ކޮޓައަށް ވައްދާފައި، ފައިސަލް ނިކުތީ ބޭރަށެވެ. ދެ ލޮލުން ކަރުނަ ފޮހެލަމުންނެވެ. ހިތަށް ފިނިކަމެއް ލިބޭތޯއެވެ. އޭރު އިރުއޮއްސި ޖައްވު އަނދިރި ވެއްޖެއެވެ. ޖީބުގައި އޮތް ފޯނު ނަގައިގެން ފައިސަލް ހިނގައިގަތެވެ. އޭނާ ބޭނުންވަނީ ސަލީމަށް ގުޅައިލާށެވެ. ގޭތެރޭގެ ހާލަތު ފުރަތަމަ ފަހަރަށް ސަލީމާ ހިއްސާކުރާށެވެ. އެކަނިމައި އެކަނި މި ބުރައެއް ދެނެއް ނޫފުލޭނެއެވެ. ސިކުނޑި ވަރުބަލިވެ، ލޮޑުވެއްޖެއެވެ. ބުރަބޮޑުވެ، ފަޅައިގެންދާވަރު ވެއްޖެއެވެ.

ސަލީމުގެ ފޯނަށް ފައިސަލް ގުޅާލިއެވެ. ސަލީމް ކޮށްލީ ބިޒީއެވެ. މެސެޖެއް އައެވެ.

“މި ވަގުތު މިސްކިތުގަ. ޢިޝާގެ ފަހުން ގުޅައިލާނަން!”

ސަލީމްގެ އީމާންތެރިކަމާއި އުފާވެރި ދިރިއުޅުމާއި، އޭނާގެ ހިތާމައާއި ހާސްކަމުގެ ދިރިއުޅުމާމެދު ފައިސަލަށް ފުރަތަމަ ފަހަރަށް ވިސްނައިލެވުނެވެ. ހިތަށް އެރިއެވެ. ސަލީމް ދުވަހަކު ވެސް ހާސްވެ ފިކުރުބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. އަބަދު ވެސް އުޅޭނީ އުފަލުގައެވެ. ހުންނާނީ ހަމަޖެހިފައެވެ. އާއިލާއާ ދުރުގައި، އެކަނިމާއެކަނި މާލޭގައި އުޅުނުއިރު ވެސް އޭނާގެ މޫނުމަތިން ފެންނާނީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ކުލަތަކެވެ. އެކަމަކު އަހަރެންގެ މޫނުމަތިން މި ނޫން ކުލެއް ދުވަހަކު ވެސް މީހަކަށް ފެނުނު ބާވައެވެ؟

މިއަދު ފައިސަލަށް ވިސްނެއެވެ. އެކަމުގެ ސިއްރަކީ، ﷲ ތަޢާލާއާ ސަލީމާ ދެެމެދު އޮތް މަތިވެރި ގުޅުމެވެ. ފައިސަލަށް އެ ގުޅުން އުފެއްދިފައި ނެތުމެވެ. ލެއްވިހައި ނުބައިކަމެއްގައި އުމުރުގެ ބޮޑުބައި ވޭތިކުރުމެވެ. ކުޑަމިނުން ސަޖިދައަކަށް ވެސް ތިރިވެލަން ހަނދާންނެތުމެވެ. ޝައިޠާނާގެ އަޅަކަށްވެގެން އުޅެވުމެވެ. އޭގެ ނަތީޖާ ދުނިޔެމަތީގައި މިހިރަ ދަނީ ފެންނަމުންނެވެ. ކޮންފަދަ ހިތި ގޮތަކަށް ހެއްޔެވެ؟

މި ކަހަލަ ޚިޔާލެއްގައި ހުރެ، ފައިސަލް ހިނގަމުން ދިޔައީ، މާވެޔޮމަގުން ދެކުނަށެވެ. އޭނާގެ މަންޒިލަކީ ނޫރައްދީންމެން ގެއެެވެ. ކޮންމެ ގޮތެއް ވިޔަސް މި ކަމުން ސަލާމަތްވާން އެބަ ޖެހެއެވެ. އެހެންނަމަވެސް އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. ކުއްލިއަކަށް އެތަނުން ގަހަކުން އަޑެއް އިވިގެން ފައިސަލް އިސްއުފުލައި ބަލައިލިއެވެ. އޭނާއަށް ފެނުނީ ގަހުގެ ގޮފިގަނޑެއްގެ މަތީގައި އަނދައަނދާ އިން އަލިފާން ގުޅައެކެވެ. އެ މަންޒަރު ފެނުމާއެކު ފައިސަލްގެ ފިޔަވަޅަށް ހުއްޓުންއެރިއެެވެ.

ކުރިއަށް ފިޔަވަޅެއް އަޅާން ނުކެރިފައި ހުއްޓާ، އެ އަލިފާންގަނޑު ކުއްލިއަކަށް ފައިސަލްގެ ކުރިމައްޗަށް ޖެހިއްޖެއެވެ. ލިބުނު ސިހުމާއެކު އޭނާއަށް ފަހަތަށް ޖެހެވުނެވެ. އެއާއެކު އޭނާގެ ކުރިމަތިން ފާޅުވީ ބިޔަ ކަޅު ހިޔަންޏެކެވެ. އޭތީގެ ބޯ ވަނީ ކައިރީގައި ހުރި ގަހުގެ ގޮފިތަކުގެ ތެރެެއަށް ވަދެ ގެއްލިފައެވެ. މަގުގައި ހިނގާބިނގާވާ މީހުންނަށާއި ދުއްވާ މީހުންނަކަށް އެ ހިޔަންޏެއް ނުފެނެއެވެ. ފެންނަނީ ފައިސަލަށް އެކަންޏެވެ.

“ދިރިއުޅުން ދެކެ ލޯބިވަންޏާ، ނޫރައްދީންމެންގެއަށް ދިޔުމުގެ ގަސްތުގައި، އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އަޅައިގެން ނުވާނެ!” ފައިސަލްގެ ކަންފަތުގައި ގުގުމާލީ، އޭތީގެ އިންޒާރުގެ ޖުމުލައެކެވެ. އެއާއެކު އެ ހިޔަނި ގެއްލިއްޖެއެވެ.

ފައިސަލްގެ މޭ ބާރަށް ތެޅެމުން ދެއެވެ. އެތައް ބަޔަކު ހެލިފެލިވެ އުޅޭ މަގެއްގައި، މޮޔައަކު ފަދައިން ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ކުރިއަށް ފިޔަވަޅެއް އަޅައިފިއްޔާ، ދެން ވާނީ ކިހިނެއްކަން، ލަފާކޮށްލާން ވެސް ނޭނގޭތީ، އެންމެ ފަހުން އޭނާއަށް މަޖުބޫރުވީ، އެނބުރި އައި ކޮޅަށް ހިނގައިގަންނާށެވެ.

ފައިސަލަށް ދެވުނީ ތަންކޮޅަކަށެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. ނަގައި ބަލައިލިއިރު، ގުޅަނީ ސަލީމެވެ. ފޯނު ނަގާކަށް ފައިސަލަކަށް ނުކެރުނެވެ. އޭނާ އޭރު ސަލީމަށް ގުޅީ، ގޭތެރޭގެ ކަންތައްގަނޑުގެ ވާހަކަ ކިޔައިދޭށެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެެހެންނަމަވެސް މިހާރު އޭނާގެ ވިސްނުން ބަދަލުވެއްޖެއެވެ. އެ ވާހަކަތައް މީހަކަށް ކިޔައިދޭން ޖެހިލުން ވަނީއެވެ. އެ އެތީގެ ނުރައްކާތެރި ހަމަލާއެެއް އަތުވެދާނެތީއެވެ.

ފޯނު ޖީބަށް ލައިގެން ފައިސަލް ހިނގައިގަތެވެ. ވަކި އަމާޒެއް ނެތެވެ. ގެއަށް ދާކަށް ބޭނުމެއް ނުވެއެވެ. ގެއަށް ދިޔުމަށްވުރެ، މާލެތެރޭގައި ލައިހޫރެން ވެސް އޭނާގެ ހިތަށް މާ ފަސޭހައެވެ. ގޭތެރޭގެ ކޮންމެ ދިމާއެއްގައި ވެސް އޮތީ ހިތާމައެވެ. ހިތްދަތިކަމެވެ. ކަރުނައެވެ. ކަރުނައިގެ ކޯރު ނުހެދޭ އެންމެ ތަންކޮޅެއް ވެސް އެ ގޭތެރޭގައި ނެތެވެ. އެ ހުރިހައި ކަމެއްގެ އަސްލަކީ އޭނާއެވެ. އޭނާގެ ވިޔާނުދާ އުޅުމެވެ.

ކޯލު ކެނޑުމާއެކު އަނެއްކާވެސް ސަލީމް ގުޅަން ފަށައިފިއެވެ. ތިންވަނަ ފަހަރު ގުޅުމުން، ފައިސަލް ފޯނު ނެގިއެވެ.

“ހަލޯ! ފައިސަލް!” ސަލީމްގެ އަޑު ފައިސަލްގެ ކަންފަތުގައި ޖެހުނެވެ. ފައިސަލަށް ފުރަތަމަ ވެސް ފާހަގަކުރެވުނީ، އެ އަޑުގައި ހުރި އުފާވެރިކަމެވެ.

“ކީކޭ؟” ފައިސަލަށް ވާހަކަދައްކަން ތަންކޮޅެއް އުނދަގޫހެން ހީވެއެވެ.

“ކީކޭ ހޭ؟ އަޅެ ފައިސަލް ގުޅީމައެއްނު މި ގުޅީ.” ސަލީމް ހިނިގަނޑެއް ޖަހައިލިއެވެ. “އެ ގަޑީގައި ގުޅީމަ ކޮންމެވެސް ބޮޑުކަމެއް ޖެހިގެން ގުޅީކަމަށް ހީކޮށް މި ވަރަކަށް މި ގުޅަނީ. ކޮބާ ކިހިނެއް ހާލުއަހުވާލު؟ ވަސީމާއާ ކުދިންކޮޅު ރަނގަޅު؟”

“ރަނގަޅު! ތި ކޮޅު ކިހިނެއް؟”

“އެކަމަކު ތި އަޑާއި ރާގު ބުނަނީ ރަނގަޅެއް ނޫނޭ!” ފައިސަލްގެ އަޑު ހުރިގޮތުން ސަލީމް ވަގުތުން ދެނެގެންފިއެވެ. “ހީވަނީ ވަރަށް ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އުޅޭހެން.”

“އާނ! ތި ހީވީ ހަމަ ރަނގަޅަށް! ވަރަށް ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި މި އުޅެނީ.” ފައިސަލް ބުނަން ބޭނުންވީ މިހެންނެވެ. އެހެންނަމަވެސް އޭނާއަކަށް ނުބުނެވުނެވެ. ހިންދިރުވައިލެވުނީއެވެ. އެއާއެކު ދެ ލޮލުން އޮހިގަތީ ކަރުނައެވެ. ފޯނު ބާއްވަން ބޭނުންވިޔަސް، އެ ކަމެއް ވެސް ނުވިއެވެ.

އެނދުމަތީގައި އޮތް ވަސީމާ ފުންމައިގެން ތެދުވިއެވެ. އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުން ކެތްނުކުރެވިގެންނެވެ. ފައިސަލް ގޮސް ނިޔަމްގެ ކޮޓަރީ ދޮރުފަތުގައި ޓަކިޖަހާފައި، އެތައް އިރަކު ގޮވުމުން ވެސް، ނިޔަމް ދޮރު ނުހުޅުވިކަން އޭނާއަށް އެނގުނެވެ. އޭނާގެ ސިކުނޑި ހާސްކުރުވީ އެ ކަމާއެވެ. ނިޔަމް ދޮރު ނުހުޅުވީ ކީއްވެގެން ބާވައެވެ؟ އޭނާއަށް އަނެއްކާ ކަމެއް ވީ ބާވައެވެ؟

ވަސީމާގެ ހިތުގައި ނިޔަމްއާ މެދު ހަމްދަރުދީގެ ވިންދު ޖަހާންފެށިއެވެ. ވޭތުވެ މި ދިޔަ ދުވަސްތަކުގައި، އެ ކުއްޖާ އެ އުޅެނީ ރަނގަޅަށް ކައި އެއްޗެއް ނުކައެވެ. މީހަކު އެ ކުއްޖާގެ ބޮލަށް އެރިގެން އެ ކުއްޖާ މަގުފުރެއްދީއެވެ. އެ ކަމުގެ އަނިޔާ އެކުއްޖާއަށް ވަރަށް ބޮޑަށް ދެއްވިއްޖެއެވެ.

މި ޚިޔާލުތައް ސިކުނޑީގައި އެނބުރި، ހިތަށާއި ފިތަށް އަނިޔާދޭން ފެށުމުން، އެނދުގައި އޮންނާކަށް ވަސީމާއަކަށް ފަސޭހައެއް ނުވިއެވެ. އޭނާ ތެދުވެގެން ގޮސް، ނިޔަމްގެ ކޮޓަރި ކައިރިއަށް ހުއްޓުނެވެ. އިރުކޮަޅަކު ހުރެފައި ޓަކި ޖަހައިލިއެވެ. ދެ ފަހަރު ތިން ފަހަރު ޖަހައިލުމުން ވެސް، ނިޔަމްގެ ޚަބަރެއް ނުވިއެވެ. ދޮރެއް ނުހުޅުވިއެވެ. ވަސީމާ ހިންދިރުވައިލިއެވެ. ދެ ލޯ ފޮހެލަމުން އަނެއްކާ ވެސް ޓަކިޖަހައިލިއެވެ.

“ނިޔަމް! ދޮރު ހުޅުވާލަބަލަ!”

ވަސީމާ ތިންހަތަރު ފަހަރު ގޮވިއިރު ވެސް ނިޔަމްގެ ޚަބަރެއް ނުވިއެވެ. ވަސީމާގެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. ހިތުގެ ބިރުވެރިކަން އިތުރުވާން ފެށިއެވެ. އެ ކުއްޖާއަށް އަނެއްކާ ކަމެއް ވީ ބާވައެވެ؟ އަމިއްލަ ނަފުސަށް ގެއްލުމެއް ލިބޭ ކަހަލަ ކަމެއް ކުރީ ބާވައެވެ؟

މި ކަހަލަ ސުންޕާ ޚިޔާލުތަކެއް ސިކުނޑިއަށް ވަދެ، ސިކުނޑި ހަފާން ފެށުމުން، ވަސީމާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ދެ ފަޔަށް ބާރުލާފައި ކުރިއަށް ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަލަމާރި ހުޅުވާލައިފައި އެތަންމިތަން ހާވަން ފެށިއެވެ. އިރުކޮޅަކުން ވަތްގަނޑެއްގެ ތެރެއިން ނެގީ ތަޅުދަނޑިފައްޗެކެވެ. ހައެއްކަ ތަޅުދަނޑީގެ، އެ ތަޅުދަނޑުފަތި ހިފައިގެން ކޮޓަރިން ނިކުންނާން ހިނގައިގަތެވެ. އެ އެއްޗެއް ހުރި ގޮތަކަށް އެ އެއްޗެއް ބަހައްޓާފައެވެ.

ވަސީމާ އެ ދިޔަގޮތަށް ދިޔައީ ނިޔަމްގެ ކޮޓަރިއާ ދިމާއަށެވެ. ގޮސް ނިޔަމްގެ ކޮޓަރީ ތަޅަށް އެތަނުން ތަޅުދަނޑިއެއް ޖަހައި އަނބުރައިލިއެވެ. އެގޮތްމިގޮތަށް ހަލުވައިގެން ވެސް ނުހުޅުވުނެވެ. އެ ތަޅުދަނޑި ދަމައިގެންފައި، އަނެއް ތަޅުދަނޑި ޖަހައި އަނބުރާލިއެވެ. މި ފަހަރުވެސް ނުހުޅުވުނެވެ. ހަތަރުވަނައަށް ޖެހި ތަޅުދަނޑި ޖަހައި އަނބުރާލުމާއެކު، ތަޅު ހުޅުވިއްޖެއެވެ. ވަސީމާ ވަގުތުންދޮރު ހުޅުވާލިއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު ވަސީމާ ކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. އެނދަށް ބަލައިލިއެވެ. އެނދު ހުރީ ހުހަށެވެ. ވަސީމާ ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި ހިންގައިލިއެވެ. ކޮޓަރިތެރެއިން ނިޔަމް ފެންނާކަށް ނެތެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފާޚާނާގެ ބޮކި ދިއްލާފައި ހުރި މަންޒަރެވެ. ނިޔަމް ފާޚާނާގައި އުޅެނީކަން ޔަގީންވުމުން، ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ވަސީމާ އުޅުނީ ކޮޓަރީ ދޮރުލައްޕާފައި ދާށެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު ޚިޔާލުގެ މިސްރާބު އެހެން އަތަކަށް ދީލާލައިފިއެވެ. ފާޚާނާއިން އެއްވެސް އަޑެއްބަޑެއް ނީވޭތީއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް މަޑުކޮށްލިއެވެ. އިސްކުރެއް އެއްޗެއް ދޫކޮށްލައި އަޑު ނަމަވެސް އިވޭތޯއެވެ.

ދެތިން ހަތަރު މިނެޓް ވީއިރު ވެސް އެއްވެސް އަޑެއް ނީވުނެވެ. ވަސީމާގެ ހިތް އަނެއްކާވެސް ނުތަނަވަސްވާން ފެށިއެެވެ. އޭނާއަކަށް ނުހުރެވުނެވެ. މަޑުމަޑުން ކޮޓަރިއަށް ވަނެވެ. ފާޚާނާ ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އެ ވަގުތު ފްލޭޝްކޮށްލި އަޑު ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުންނާން ހިނގައިގަތެވެ. އޭނާއަށް ދޮރާހަމައަށް ނާދެވެނީސް، ފާޚާނާގެ ދޮރު ހުޅުވާލައިފައި ނިޔަމް ނިކުމެއްޖެއެވެ. ވަސީމާ  ފެނިފައި ނިޔަމްގެ ފިޔަވަޅަށް ހުއްޓުންއެރިއެެވެ. ވަސީމާއަށް އެނބުރި ނިޔަމްއާ ދިމާއަށް ބަލައިލެވުނެވެ.

ނިޔަމްގެ މޫނާއި ދެ ލޯ ފެނިފައި ވަސީމާގެ ހިތް ކުދިކުދިވި ކަހަލައެވެ. ހިތާމައާއި ހިތްދަތިކަމުގެ ރަހުމުކުޑަ އަތުން އެ ފަކީރަށް ކޮށްލާފައި ހުރި ވަރު ފެނިފައެވެ. އެ ވަގުތު ދެ ލޮލަށް ޖަމާވި ކަރުނައާއެކު، ސާޖިދުގެ ނުބައިނުލަފާކަން ހިތަށް ވަދެ، އެ ހިތާމައިގެ މައްޗަށް ރުޅިވެރިކަން އަތްގަދަކޮށްލައިފިއެެވެ. ވަސީމާ ވަގުތުން ދޮރު ލައްޕާފައި ކުރިއަށް ހިނގައިގަތެވެ. އޭރު އޭނާގެ ލޭ ވަނީ ހޫނުވާން ފަށާފައެވެ.

ކޮޓަރިއަށް ދިޔުމަށް ޓަަކައި ވަސީމާއަށް އެޅުނީ ތިންހަތަރު ފިޔަވަޅެކެވެ. ކުއްލިއަކަށް އޭނާގެ ކަންފަތުގައި ޖެހުނީ ރުއިމެއްގެ މަޑުމަޑު އަޑެވެ. އަޑު އައީ މުނިޔާގެ ކޮޓަރިންނެވެ. ވަސިމާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އެއާއެކު ދެން އިވުނީ ހަމަ އެހައި މަޑުން ފިރިހެނެއްގެ އަޑެވެ. އެ ވަގުތު އޭނާގެ ހިތް ނޭނގޭ ބިރުވެރިކަމަކުން ތެޅިގަތެވެ. ހިތަށް އައީ އެންމެ ނުބައިކޮށެވެ. އިރުކޮޅަކު ހުރެފައި މަޑުމަޑުން މުނިޔާގެ ކޮޓަރިއާ ދިމާއަށް އޭނާއަށް ހިނގައިގަނެވުނެވެ. އިޚުތިޔާރުން ބޭރުގައި ހިނގައިގަތް ކަހަލައެވެ.

ވަސީމާއަށް މިހާރު އިވެނީ، މުނިޔާގެ ރުއިމުގެ އަޑެވެ. ފިރިހެނަކު މަޑުމަޑުން ވާހަކަ ދައްކާއަޑެވެ. އޭނާ ގޮސް، ދޮރު ކައިރިއަށް ހުއްޓި ދޮރުފަތުގައި ކަންފަތްޖައްސައިލިއެވެ. އެއާއެކު އެ އިވެނީ ސާޖިދުގެ އަޑުކަން، ޝައްކެއް ނެތް މިންވަރަށް ކަށަވަރުވިއެވެ.

ވަސީމާގެ ރުޅި ވަގުތުން އައްޑިހައިން ނެއްޓި، ނުވަދިހައިން ނެއްޓި، ސަތޭކައަށް އެެރިއެވެ. ތަޅުގައި ހިފައި އަނބުރާލަން ކުރި މަސައްކަތްވީ ބޭކާރެވެ. ބަލާކަށް ނުހުރެ ދޮރުފަތުގައި ތަޅައިގަތެވެ. ދެ އަތަށް ލެވުނުހައި ބާރެއް ލާފައެވެ. ހަމަ މިހާރު ދޮރު ހުޅުވާށޭ ކިޔާފައެވެ. އޭނާގެ އަތުގައި އޮތް ތަޅުދަނޑިފަތީގައި، އެ ކޮޓަރީގެ ތަޅުދަނޑި އޮތްކަން ވެސް ހަނދާނެއް ނެެތެވެ.

ތިން ހަތަރު ފަހަރު ވަސީމާ ތަޅައިގަތުމުން ވެސް، ކޮޓަރީ ދޮރެއް ނުހުޅުވިއެވެ. ވަސީމާގެ އަޑު ވަކިން ބާރުވިއެވެ. އައިސްފައިވާ ގަދަފަދަ ރުޅިއާއެކު، އޭނާ ހަޅޭއްލަވަންފެށިއެެވެ. ގޭތެެރޭގެ އަޑުފަށްގަނޑު ގަދަވެގެން ނިޔަމް ވެސް ދޮރު ހުޅުވާފައި ނުކުތެވެ. އެ ވަގުތު އޭނާއަށް ފެނުނީ މޮޔައެއް ފަދައިން ވަސީމާ ތެޅިފޮޅޭތަނެވެ.

“މުނިޔާ! ހަމަ މިހާރު ދޮރު ހުޅުވާ! އެހެންނޫނީ…”

ވަސީމާގެ އަޑު ކެނޑުނީ، އެ ކޮޓަރީގެ ދޮރު ހުޅުވި އަޑަށެވެ. އޭރު އޭނާގެ ކުރިމަތީގައި ހުރީ ސާޖިދެވެ. ސާޖިދުގެ މިލައި މޯޅިވެފައިވާ މޫނުމަތީން ފެންނާން ހުރީ، ކަންބޮޑުވުމާއި ހާސްކަމެވެ. ނިކަމެތިކަމެވެ. ދެ ލޮލުގައި ކަރުނައެވެ. އޭނާ އިސް އޮބައިލީ ކުށްވެރިއަކު ފަދައިންނެވެ. ވަސީމާއަށް ކުރާ އިޙުތިރާމެއްގެ ގޮތުންނެވެ.

ސާޖިދުގެ ސޫރައަށް ވެސް މިހާރު ވަސީމާ ނަފުރަތު ކުރެއެވެ. އެހެންކަމުން ސާޖިދު ފެނުމާއެކު ވަސީމާ ހުޅުފަޅައިގަތެވެ. ދެ ލޯ ބޮޑުވެ، ދެ ދަތްޕިލަޖެހި ބާރުވިއެވެ. މޫނުމަތި ރަތްވިއެވެ. ލޭ ކެކިގަތެވެ.

“ކާކު ކަލޭ މި ގެއަށް ވެއްދީ؟” ސާޖިދާ ދިމާއަށް ވަސީމާ ފުންމައިގަތެވެ. ސާޖިދުގެ ގަމީހުގެ ގިރުވާނުގައި އޭނާ ދެ އަތުން ހިފިއެވެ. “ކަލެއަކަށް ނުޖެހޭނެ މި ގެއަށް ވަންނާކަށް! މިގޭން ނިކުމެގެން ދާން އުޅެންވީ!” ވަސީމާ މަސައްކަތްކުރީ، ސާޖިދު އެ ކޮޓަރިން ނެރޭށެވެ. ގަދަކަމުން ވިޔަސް ގެއިން ބޭރުކުރާށެވެ.

“މަންމާ! ހަމަޖެހިބަލަ! ރުޅިމަޑުކޮށްބަލަ!” ވަސީމާގެ ދެ އަތުގައި ސާޖިދު ހިފެހެއްޓިއެވެ. އެހެންނަމަވެސް ވަސީމާގެ އަތް ނައްޓުވައިލާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އަނިޔާއެއް ވެދާނެތީއެވެ.

“ކޮން ހަމައެއްޖެހޭކަށް؟” ވަސީމާގެ ދެ ދަތްޕިލަ ހުރީ ޖެހި ބާރުވެފައެވެ. އޭނާ އަދިވެސް މަސައްކަތްކުރަމުން އައީ، އެ ކޮޓަރިން ސާޖިދު ނެރެވޭތޯއެވެ. އެހެންނަމަވެސް އޭނާއަކަށް ސާޖިދު ހުރި ފިޔަވަޅުމަތިން ގުޑުވައެއް ނުލެވުނެވެ.

“މަންމާ! ކިހިނެއްތަ ތި އުޅެނީ؟”

“މަށަކީ ކަލޭގެ މަންމައެއް ނޫން! މި ގޭން ނިކުމެގެން ދާން އުޅޭ!” ސާޖިދުގެ ގަމީހުގައި، ދެ އަތުން ބާރަށް ހިފައިގެން ހުރިއިރު، ވަސީމާގެ ނޭވާ ހުރީ އަވަސްވެފައެވެ.

“އަސްލު ކިހިނެއްތަ ވެގެން މި އުޅެނީ؟ ރުޅި މަޑުކޮށްފަ ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ! އޭރުން އަހަރެން ނިކުމެގެން ހިނގައިދާނަމޭ!” ސާޖިދުގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. އޭނާ ބުނާ ކޮންމެ ޖުމުލައެއް ބުނަނީ، މަސްލަޙަތަށް ވިސްނައިގެން ހިމޭންކަމާއެކުގައެވެ. ނަޖިހުން ނަޖިސް ނުފިލާނޭކަން އޭނާއަށް އެނގެއެވެ.

“ނުޖެހޭ ބުނާކަށް!” ވަސީމާ އެއް ފަހަރު ވެސް ސާޖިދާ ހަތަރުކަޅި ހަމަކޮށްނުލައެވެ.

މި ހުތުރު މަންޒަރު ފެނިފައި، ގަތް ލަދާއި ވީ ދެރައިން، ނިޔަމް އަވަސް އަވަހަށް ކޮޓަރިއަށް ވެދެ ދޮރުލައްޕާ ތަޅުލިއެވެ. އޭނާ ރޮމުންރޮމުން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ވަސީމާގެ މި އަމަލު މުނިޔާއަށް ވެސް ވީ ވަރަށް ހުތުރު އަމަލަކަށެވެ. ދަށު ދަރަޖައިގެ ކަމަކަށެވެ. ސާޖިދު ކިތަންމެ ގޯސް އަމަލެއް ކުރި ނަމަވެސް، އެއީ އަދި ވެސް އޭނާގެ ފިރިމީހާއެވެ. އެ ގޮތަށް އޭނާގެ ގަޔަށް ބޮލަށް މަންމަ ވެސް އަރައިގަނެގެން ނުވާނެއެވެ.

މުނިޔާއަށް ކެތް ނުކުރެވިގެން އެނދުން ތެދުވިއެވެ. އޭނާ ހިނގައިގަތީ ދޮރާ ދިމާއަށެވެ. ވަސީމާއާއި ސާޖިދު ތިބި ދިމާއަށެވެ. ފެނުނު ހިތްދަތި މަންޒަރާއެކު، އޭނާއަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. ވަސީމާ ހުރީ ސާޖިދުގެ ގަމީހުގައި ދެ އަތުން ހިފަހައްޓައިގެންނެވެ. ސާޖިދުގެ ގަމީހުން އެއް ގޮށް އޭރު ނެއްޓިއްޖެއެވެ. ގަމީސް ވަނީ ވަރަށް ބޮޑަށް ރޫޖެހި ހަޑިވެފައެވެ.

“މަންމާ! އާދޭސްކޮށްފަ މި ބުނީ، ތިހެން ނޫޅެބަލަ!” ވަސީމާއާ ދިމާއަށް ބަލައިލަމުން، އާދޭހުގެ ރާގުގައި މުނިޔާ ބުންޏެވެ.

“ކަލޭ ވެސް މަށަށް މަންމަ ކިޔާނެކަމެއް ނެތް! މަ ކޮޓަރިއަށް ވަން ވަގުތު ބަލާފަ، މި އެއްޗަކު ގެއަށް ގެނެސް، ކޮޓަރިއަށް ވައްދައިގެން…”

“މުނިޔާއެއް ނޫން މަ މި ގެއަށް ވެއްދީކީ.” ވަސީމާގެ ޖުމުލަ މެދުކަނޑުވައިލަމުން މުނިޔާގެ ދިފާޢުގައި ސާޖިދު ވާހަކަ ފެށިއެވެ. “މަ އަމިއްލައަށް މި ގެއަށް ވަނީ. ކޮޓަރިއަށް ވެސް ވަނީ އަމިއްލައަށް” ސާޖިދުގެ އަޑުގައި ރުޅިވެރިކަމުގެ ރަހަ ފުރަތަމަ ފަހަރަށް ހިފިއެވެ. ވަސީމާގެ ބަހާއި އަމަލު ހުރި ގޮތުންނެވެ. “ތި ގޮތަށް މަންމަ ކަންތައްކުރީތީ ވެސް މި ގެއަކުން މަށެއް ނިކުންނާނަން! އެހެނޭ ކިޔާފައި ނުވެސް ނެރެވޭނެ!” ސާޖިދު ގާތަށް ހަމަ ރަނގަޅަށް ވެސް ރުޅި އަތުވެއްޖެއެވެ. އޭނާ ވަރަށް ކެތްކޮށްފިއެވެ. ވަރަށް ބޮޑަށް ދޫދީފިއެވެ. ކޮޅުންލާނޭ ވަގުތެއް އަންނާނެތާއެވެ. އެ ވަގުތު ސާޖިދާ ހަމައަށް ވެސް އައީއެވެ.

“އެހެންތަ ހީކުރީ ފިރިހެނާ!” ވަސީމާގެ އަޑުގެ ޒީލަކަން އިހުނަށްވުރެ ވެސް ގަދަވިއެވެ. “މަގޭ ދެ ދަރީންގެ ލޭ ބޮއިފަ، އެވަރުން ނުފުދިގެން، އެ ދެ ކުދިން ރޮލާހިފައި ކާން، ކަލޭ މިގޭގައި ބަހައްޓާނެކަމަށް ހީނުކުރައްޗޭ!” ވަސީމާގެ ރުޅިވެރި އަޑު ގޭތެރޭގައި ގުގުމާލިއެވެ. އެއާއެކު ސާޖިދުގެ ގަމީހަށް ޖެހި ލަތްކަކާއެކު، ސާޖިދުގެ ގަމީހުގެ ގޮށްފަތިން ބައެއް ވީދައިގެން ހިނގައްޖެއެވެ.

“މަންމާ! ހެޔޮނުވާނެ! ސާޖީގެ ގަމީހުން ދޫކޮށްލަބަލަ!” މުނިޔާ ބާރަށް ރޮއިގަންނަމުން އެ ދެމެދަށް ވަނެވެ. އޭނާ މަސައްކަތްކުރީ، ސާޖިދުގެ ގަމީހުން ވަސީމާގެ އަތް ނައްޓުވައިލާށެވެ.

“އޭތް! އޭތް! ކިހިނެއް ވެގެން ތި ތިބަ އުޅެނީ؟” ކުއްލިއަކަށް ގޭތެރޭގައި ގުގުމައިލީ، ފައިސަލްގެ ބާރު އަޑެވެ. އޭނާ ދުވެފައި އައިސް، އެ ތިން މީހުންގެ މެދަށް ވަނެވެ. އެއާއެކު މުނިޔާ ފެޔަށް ޖެހުނެވެ. އޭރު އޭނާ ހުރީ ރޮއިރޮއި ގިސްލެވިފައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަންމައާއި ބައްޕައާއި ސާޖިދާ ދިމާއަށެވެ.

ފައިސަލް މަސައްކަތްކުރީ، ވަސީމާގެ އަތް ސާޖިދުގެ ގަމީހުން ނައްޓުވައިލާށެވެ. ވަސީމާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން ވަރަށް ފަސޭހައިން، ފައިސަލަށް އެކަން ކުރެވުނެވެ. އޭނާ ވަގުތުން ވަސީމާގެ މެދުހަށީގައި ބައްދައި، ސާޖިދާ ދުރުކުރުވިއެވެ. ސާޖިދު އަވަސްއަވަހަށް ގަމީސް ރީތިކޮށްލެވޭތޯ އުޅުނެވެ.

ވަސީމާ ހަމައަކަށް ނޭޅެއެވެ. އޭނާގެ ގާތަށް އައިސްފައިވާ ގަދަފަދަ އަލިފާން ރުޅިއަކަށް ބަދަލެއް ނާދެއެވެ. އޭނާ އަދިވެސް، ކުޅަނދުރެއް ފަދައިން ސާޖިދާ ދިމާއަށް ފުންމައިގަންނާން މަސައްކަތްކުރެއެވެ. އެހެންނަމަވެސް ފައިސަލް ހިފަހައްޓައިގެން ހުރުމުގެ ސަބަބުން އޭނާއަކަށް އެކަމެއް ނުވިއެވެ.

“ސާޖިދު! މި ވަގުތު ރަނގަޅުވާނީ މި ގޭން ދިޔުންހެން ބައްޕައަށް ހީވަނީ!” ފައިސަލްގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. އޯގާވެރިކަމެވެ.

ފައިސަލާ ހަތަރުކަޅި ހަމަވި ވަގުތު ސާޖިދުގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. އާއެކޭ ބުނުމުގެ ގޮތުން އޭނާ ބޯ ޖަހައިލިއެވެ. އެއަށްފަހު އިސް އޮބާލައިގެން ހުރެ، މަޑުމަޑުން ހިނގައިގަތެވެ. ގެއިން ނިކުތުމަށެވެ. ކަރުނައިން ފޯވެފައިވާ ދެ ލޮލުން ސާޖިދާ ދިމާއަށް ބަލަހައްޓައިގެން ހުރި މުނިޔާގެ ހިތަށް އެ ވަގުތު ވަރަށް ބޮޑަށް ތަދުވިއެވެ. ސާޖިދު ދެކެ އޭނާ އަދިވެސް އިންތިހާއަށް ލޯބިވެއެވެ. އެ ލޯތްބަށް ކުޑަކުޑަ އުނިކަމެއް ވެސް ނާދެއެވެ. އޭނާ ބުނަން ބޭނުންވަނީ ސާޖީ ދާއިރު އަހަރެން ގޮވައިގެން ދާށޭއެވެ.

ސާޖިދު ދިޔުމުން، ވަސީމާ ގޮވައިގެން ފައިސަލް ދިޔައީ ކޮޓަރިއަށެވެ. އޭރު ވެސް ވަސިމާ މައިތިރިއެއް ނުވެއެވެ. ރުޅިމަޑެއް ނުވެއެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. ވަސީމާއަށް ވެފައި ހުރި ވަރު ފެނިފައި، ފައިސަލް ކަންބޮޑުވިއެވެ. އެހެންކަމުން ހަދާނެނުހަދާނެ ގޮތެއް ނޭނގި ހުރެފައި، އޭނާ “އަޢޫޛު” ކިޔަވާން ފެށިއެވެ. ވަސިމާއަށް އިވޭވަރަށް ތަކުރާރުކޮށެވެ. އެއާއެކު ވަސީމާގެ ރުޅި މަޑުމަޑުން މައިތިރިވާން ފެށިއެވެ.

ވަސީމާ ހަމައަކަށް އެޅުމުން އެނދުމަތީގައި ވަސިމާ ބާއްވާފައި، ފައިސަލް ގޮސް ވަނީ ފާޚާނާއަށެވެ. ފާޚާނާގެ ދޮރު ލެއްޕުނީ ކިރިޔާއެވެ. ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ރޮވިއްޖެއެވެ.

މިއީ ކިހައި އުފާވެރިކޮށް އުޅެމުން އައި އާއިލާއެއް ހެއްޔެވެ؟ ވަސީމާއާ އޭނާއާ ދެމެދު ކޫސަނި މައްސަލަތައް ޖެހުނުކަމުގައި ވިޔަސް، ދަރިންނާ ވަސީމާއާ ދެމެދުގައި އޮންނާނީ ހިނިތުންވުމެވެ. ދެ ދަރިންގެ ދެމެދުގައި އޮންނާނީ ގާތްކަމެވެ. ގޭތެރޭގައި އޮންނާނީ ދިރުމެވެ. މުނިޔާގެ ކައިވެންޏާއެކު، ގެއަށް ވެރިވީ އިތުރު އުފާވެރިކަމެކެވެ. ބަހާރުގެ މާތައް ގޭތެރޭގައި ފޮޅި ފަރިވިއެވެ. އެތައް ކަމެއް ބަދަލުވިއެވެ. ބަދަލު ނައީ ފައިސަލްގެ ކަޅަށް ޖެއްސުމަށެވެ. އޭނާގެ ފާޙިޝް ޢަމަލުތަކަށެވެ.

މިހާރު އޭނާ ރޮމުން އެ ގެންދަނީ، އެ ކަމާ ހިތާމަކޮށްފައެވެ. ހިތުގައި އަނދާ ގިނީގެ ގަދަފަދަކަމުންނެވެ. އޭނާއަށް އުޅެވުނު ވިޔާނުދާ އުޅުމުގެ ސަބަބުން، މިއަދު އޭނާ އެ ވަނީ ހަމަ ރަނގަޅަށް ހަފުސްވެފައެވެ. ވަށައިގެން ބެދިފައެވެ.  

ފާޚާނާގައި ހުރެ ފައިސަލް ވިސްނަމުން ގެންދިޔައެވެ. ހަދާނެ ގޮތަކާމެދުގައެވެ. އޭނާގެ ކަންފަތުގައި ގުގުމަނީ، އެކި ފަހަރު އެކި އަޑެވެ. އެކި ޖުމުލައެވެ. ބައެއް ފަހަރު ސަލީމް ދެއްކި ވާހަކަތަކެވެ. ބައެއް ފަހަރު ބިރުވެރި މަޚުލޫޤުގެ އިންޒާރުގެ ޖުމުލަތަކެވެ. ގޭތެރޭގައި މި ރޭ މި ހިނގައިދިޔަ ކަންތައްގަނޑާއެކު، އޭނާއަށް ބުރަވެވެނީ ސަލީމުގެ ފަޅިއަށެވެ. އެ ނޫން ގޮތެއް ނެތެވެ. އެންމެ ބޮޑު ވަރަކަށް ވެސް ވާނީ މަރެވެ. އެހެންނަމަވެސް އަނދަމުން ހުލިވަމުން ދާ އާއިލާ ސަލާމަތް ކުރެވިއްޖެ ނަމަ، އެ ކުދީންނަށް ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެއެވެ. ނިޔަމްގެ ކިޔެވުން ފެށިގެން ކުރިއަށްދާއިރު، އޭނާ އިސްކޫލަށް ވެސް ފޮނުވެނީއެއް ނޫނެވެ. އެކަމާ ވިސްނައިލާނެ ވަގުތެއް، އެކަކަށް ވެސް ނުލިބެއެވެ. އެ ވާހަކަ ދައްކާ މީހަކު ވެސް ގޭގައި ނެތެވެ.

ވުޟޫކޮށްގެން ފައިސަލް ފާޚާނާއިން ނުކުތީ، ސަލީމުގެ ބަސް ގަބޫލުކޮށްގެންނެވެ. ވަސީމާއާއި ކުދިންނަށް ހުރިހައި ވާހަކައެއް ކިޔައިދިނުމަށް ނިންމައިގެންނެވެ. އެ މީހުން ވެއްޓިފައި ތިބި އަނދިރި ވަޅުގަނޑުން ނެގުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ.

ފައިސަލް ފާޚަނާއިން ނުކުތްއިރު، ވަސީމާއަށް އޮތީ ނިދިފައެވެ. ފައިސަލް މަޑުމަޑުން ގޮސް، އަލަމާރީގައި އޮތް މުސައްލަ ނަގައި ފަތުރާލައި، ދެ ރަކުޢަތް ނަމާދެއް ކުރިއެވެ. ދެ އަތް އުފުލައި ﷲ އަށް ދުޢާ ދަންނަވާންފެށިއެވެ. ދެ ލޮލުން ކަރުނަ އޮހެމެންދާ ޙާލުގައެވެ. މި ބޮޑު މުޞީބާތުން އޭނާގެ އާއިލާ ސަލާމަތްކޮށްދެއްވުން އެދިއެވެ. އެއަށްފަހު އަލަމާރީގައި އޮތް ޚަތިމު ނަގައި، ވަކި ސޫރަތްތަކެއް ކިޔަވާންފެށިއެވެ. އޭނާގެ މި ކަންކަމުގެ އާރުކާޓީއަކީ ސަލީމެވެ. އޭނާ ކަންކުރަމުން އެ ގެންދަނީ ސަލީމް ބުނި ގޮތަށެވެ.

މުސައްލަމަތިން ތެދުވިއިރު، ފައިސަލްގެ ހިތަށް ވަނީ ލުއިވެފައެވެ. މިއިން ދުވަހަކު ނުލިބޭ ފަދަ ބޮޑު ހަމަޖެހުމެއް ލިބިފައެވެ. އޭނާ ތެދުވެގެން ގޮސް ވަސީމާއަށް ގޮވިއެވެ. ވަސީމާ ތެދުވިއެވެ. އޭރު ވަސީމާ އިނީ ހަމައަކަށް އެޅިފައެވެ. އެހެންނަމަވެސް ވަރުބައްޔެވެ. ބޮލުގައި ރިހެއެވެ. އެހެންކަމުން ވަސީމާ ބޭނުންވީ އަނެއްކާވެސް އޮށޯވެލާށެވެ.

“ވަރަށް ބޮޑު ވާހަކައެއް ދައްކާން ވެގެން މި އުޅެނީ.” ވަސިމާއާ ޖެހިގެން ކަހަލަ ގޮތަކަށް ފައިސަލް އިށީނެވެ.

ވަސީމާ އަނގައަކުން ނުބުނެއެވެ. ލޮލުގެ އެއްކޮޅުން ފައިސަލާ ދިމާއަށް ބަލައިލުން ފިޔަވައި އިތުރު ހަރަކާތެއް ނެތެވެ.

“މި ވާހަކަ ދައްކަން އަހަރެން ބޭނުންވަނީ ދެ ދަރިންގެ ވެސް ހާޒިރުގަ.”

މި ފަހަރުވެސް ވަސީމާ އަނގައަކުން ނުބުނެއެވެ. ހަމަ އިންގޮތަށް އިނީއެވެ. އޭނާ އެއްޗެއް ބުނާން ބޭނުންވާހެން ވެސް ހީވެއެވެ. އެހެންނަމަވެސް އަނގައަކުން ނުބުނެއެވެ. އުޅެވުނު ގޮތް ހިތަށް ވަދެ، ދެރަވެފައި އިނީ ކަންނޭނގެއެވެ.

“ކީކޭ ބުނަން ތި އުޅެނީ؟” އިރުކޮޅަކު ހުރެފައި ފައިސަލް އަހައިލިއެވެ. އެއާއެކު ވަސީމާއަށް ރޮއިގަނެވުނެވެ. ޖެހިގެން އިން ފައިސަލްގެ ކޮނޑުގައި މޫނު ޖައްސާ ބާރުކޮށްލަމުން، ބާރަށް ރޯންފެށިއެވެ.

“ކިހިނެއްތަ މި ވަނީ؟ މިއީ އަހަރެން ދެކެން ބޭނުންވާ ދުވަސްތަކެއް ނޫން! މި ނޫން ގޮތެއް ދެން ނެތީތަ؟” ވަސީމާ ރޮމުން ވާހަކަ ދެއްކިއެވެ.

ފައިސަލް އިނީ އަނގައިން ނުބުނެވިފައެވެ. ލަނގޮނޑިއަށް ތަދުވެ، ހިންދިރުވައި ނުލެވިފައެވެ. އޭނާ ވަސީމާގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. އޭނާގެ މެރިފައިވާ ދެ ލޮލުން ކަރުނަ ފޭދެމުން ދެއެވެ. އޭނާ ވިސްނަމުން ގެންދިޔައީ ކަންކުރާނޭ ގޮތަކާމެދުގައެވެ. އެންމެފަހުން އޭނާ ގޮތް ނިންމައިފިއެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށެވެ.

ވަސީމާ ކުޑަކޮށް ހަމައަކަށް އެޅުމުން ފައިސަލް ނިކުތީ ބޭރަށެވެ. ވަސީމާ އެ އިންގޮތަށް އިނެވެ. އަދި ވެސް އޭނާގެ ދެ ލޮލުން ކަރުނަ ހިލެއެވެ. އޭނާގެ ސިކުނޑިއަށާއި ބޮލަށް ވަނީ ބަރުވެފައެވެ. ހިތަށާއި މެޔަށް ވަނީ ތަދުވެފައެވެ. އޭނާ ވިސްނަމުން ގެންދިޔައީ ކުރިމަގާމެދުގައެވެ.

ދިހަވަރަކަށް މިނެޓްފަހުން ފައިސަލް އެބުރި އަތުވެއްޖެއެވެ. އޭނާގެ ފަހަތުން މުނިޔާ ވަނެވެ. މުނިޔާގެ ދެ ލޯ މިހާރު ވެސް ހުރީ ކަރުނައިން ތެމިފައެވެ. އޭނާ ހުރީ އިސް އޮބާލައިގެންނެވެ. އިރުކޮޅަކުން ފެނުނީ ނިޔަމް ވަންތަނެވެ. ނިޔަމްގެ މޫނުމަތިން ވެސް ފެންނާން ހުރީ، ހަމަ އެ ފަދަ އަސަރުތަކެކެވެ.

ދެ ކުދިން ސޯފާގައި ބައިތިއްބާފައި ފައިސަލް އިށީނީ ވަސީމާއާ ދެޖިގެން ކަހަލަ ގޮތަކަށް އެނދުގައެވެ. އޭނާ ގަޑިއަށް ބަލައިލިއެވެ. އެ ރޭގެ ނުވައެއް ޖަހަނީއެވެ. ފައިސަލް ތައްޔާރުވަމުން އެ ދަނީ، އޭނާގެ އާއިލާއަށް ފަރުދާކުރެވިފައިވާ ބޮޑު ސިއްރު ހާމަކުރާށެވެ. ފަރުދާ ހިއްލައިލައި ހަގީގަތް ފާޅުކުރާށެވެ. ސުވާލަކީ، އޭގެ ބަދަލު އަންނާނީ ކޮން ފަދަ ގޮތަކަށް ބާވައެވެ؟ މިއީ ޚުދު ފައިސަލަށް ވެސް ލަފާކޮށްލާން ނޭނގޭ ކަމެކެވެ.

“ދަރިފުޅުމެންނޭ! ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން މި ރޭ ބައްޕަ މި އުޅެނީ. ދަރިފުޅުމެން ހީ ވެސް ނުކުރާ ކަހަލަ ވާހަކައެއް މި ރޭ ބައްޕަގެ ފަރާތުން އިވޭނެ! މި ވާހަކަތައް ކިޔައިދިނުމުން، ބައްޕައަށް ވާނީ ކިހިނެއްކަމެއް ބުނެދޭކަށް ނޭނގެ! އެހެންނަމަވެސް…”

ފައިސަލްގެ ވާހަކަ މިހައި ހިސާބަށް ދިޔަތަނާ، އެންމެން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ގޭ ފުރާޅުމައްޗަށް އެއްޗެއް ވެއްޓި ޖެހުނު އަޑަށެވެ. އެ އަޑާއެކު މުޅި ގެއަށް ގުޑުންއެރިއެވެ. އެ އަޑުގެ ހަގީގަތް ފައިސަލަށް އެނގެއެވެ. އޭނާ ކެތްތެރިވިއެވެ. ބިރުގަތަސް އެހެން މީހަކަށް އެ ކަމެއް ނާންގައެވެ.

“ކޮންމެވެސް މީހަކު ފުރާޅުމައްޗަށް އެއްޗެއް އެއްލީ ކަންނޭނގެ!” އެނގިހުރެ ފައިސަލް ދޮގެއް ހެދިއެވެ.

“އެ ވާނީ އެ ސާޖިދު ކުރާ ޖެއްސުމަކަށް.” ވަސީމާއަށް ނުރުހިފައި ބުނެވުނެވެ.

“ކޮންމެ ކަމެއް އޭނާގެ ބޮލުގައި ނާޅުވާ!” ވަސިމާއާ ދިމާއަށް ފައިސަލް ބަލައިލީ އޯގާވެރި ނަޒަރަކުންނެވެ.

“ދެން ތި ދައްކަން އުޅޭ ވާހަކައެއް ދައްކާ ނިންމަބަލަ!” ފައިސަލާ ދިމާއަށް ވަސީމާ ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.

ފައިސަލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ތެޅެމުން ދިޔަ ހިތަށް ލުޔެއް ލިބޭތޯއެވެ. އުދާސްވަމުން ދިޔަ ހަށިގަނޑަށް ފިނިކަމެއް ހޯދައިދެވޭތޯއެވެ. ރޫރޫއަޅަމުން ދިޔަ އެތެރެހައްޓަށް ހަމަޖެހުމެއް ލިއްބައިދެވޭތޯއެވެ. އެހެންނަމަވެސް އެ ފަދަ ނޭވާއަކުން އޭނާއަކަށް ފަރުވާއެއް ނުލިބުނެވެ. އެއަށްވުރެ ހާލަތު ގޯހެވެ. ނަފުސާނީ ބިރުވެރިކަން ބޮޑެވެ. ކަން މިހެން އޮތް ނަމަވެސް ހަތިޔާރު ބަހައްޓާފައި، އެނބުރި ދިޔުމަކަށް މި ރެއަކު ހިތެއް ނޭދުނެވެ.

“މިއަދު އަހަރެމެން އެންމެންނަށް ވެސް މި ތިބެވެނީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި.” ފައިސަލް ވާހަކަ ފެށިއެވެ. “ވަރަށް ބޮޑު ކުށްހީއެއްގެ ތެރޭގައި ދުވަސްތައް ގުނަމުން މި ގެންދެވެނީ. މި އާއިލާގައި އަނިޔާ ލިބެމުންދާ  ކުދިންނަށް އަނިޔާލިބެމުން އެ ދަނީ، އެއިން އެއްވެސް ކުއްޖެއްގެ ކުށެއް އޮވެގެނެއް ނޫން!”

އިސްދަށަށް ޖަހައިގެން އިން މުނިޔާއަށް ކުއްލިއަކަށް، އިސްއުފުލައި ފައިސަލާ ދިމާއަށް ބަލައިލެވުނެވެ. އޭނާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. މޫނުމަތީގެ ކުލަވަރު ބުނާ ކަހަލައެވެ. ބައްޕަ ތި ބުނީ ކީކޭ ހެއްޔެވެ؟ ސާޖިދުގެ އެއްވެސް ކުށެއް ނެތޭ ހެއްޔެވެ؟

“ބުނަން ތި އުޅެނީ ސާޖިދަކީ ރަންގަނޑެކޭތަ؟” ވަސީމާއަކަށް އެއްޗެއް ނުބުނެއެއް ނީނދެވުނެވެ.

“ވަސީމާ! ހަމަހިމޭންކަމާއެކު މަޑުމަޑުން އިނދެ، މަ މި ދައްކާ ވާހަކަ އަޑުއަހާބަލަ!” ވަސީމާގެ އަތުގައި މަޑުމަޑުން ފައިސަލް ހިފަހައްޓައިލިއެވެ. އޭރު އެ އަތް ވަނީ އިންތިހާއަށް ފިނިވެފައެވެ. ތުރުތުރުއަޅަމުންދެއެވެ. އެކަން ވަސީމާއަށް ފާހަގަކުރެވުނެވެ. ފައިސަލްގެ ހާލަތު ރަނގަޅު ނޫންކަން ވަސީމާއަށް ޔަގީންވިއެވެ.

“ހަގީގަތަކީ ސާޖިދުގެ އެއްވެސް ކުށެއް ނެތް. ނިޔަމްގެ ވެސް ކުށެއް ނެތް! އެއްވެސް ކުށެއް ނެތް ދެ ކުދިންނަށް ވަރަށް ބޮޑު އަނިޔާއެއް ދެވިއްޖެ!” ފައިސަލް ދެ ލޯ ފޮހެލިއެވެ. ނިޔަމްގެ ލޮލުން ވެސް ކަރުނަ އޮހިގަތެވެ.

“ފައިސަލް ތި ބުނަނީ އަހަރެން ދޮގުހަދަނީއޭތަ؟” ވަސީމާއަކަށް ނީދެވުނެވެ.

“އެހެނެއް ނުބުނަން! އެ ކަމަކު ތި ހުރިހައި ކަމެއްގެ ވެސް އަސްލަކީ އަހަރެން. އަހަރެންގެ ވިޔާނުދާ އުޅުން.” ފައިސަލަށް ރޮވިއްޖެއެވެ. އޭނާ ވަސީމާގެ އަތަށް ފިތައިލިއެވެ. ވަސީމާ ވަގުތުން އަތް ދަމައިގަތެވެ.

“ބައްޕާ! ކިކޭ ތި ކިޔަނީ؟” މުނިޔާއަށް ފުންމައިގެން ތެދުވެވުނެވެ.

“އާނ! ދަރިފުޅާ!” ފައިސަލްގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ. ދެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުންދިޔައެވެ. “ބައްޕަ މި ދައްކަނީ ހަމަ ތެދު ވާހަކަ. ބައްޕައަކީ ވަރަށް ބޮޑު ކުށްވެރިއެއް! ފާފަވެރިއެއް! މި ހަށިގަނޑު ވަނީ ފާފައިން ކަޅިވެފަ! އޭގެ ނަތީޖާ މިއަދު ބައްޕައަށް މި ފެންނަނީ! ދަރިފުޅުމެންނަށް ލިބޭ ކޮންމެ ހިތާމައަކީ، މި ބައްޕަގެ ހިތަށް ލިބޭ ވަރަށް ބޮޑު އަނިޔާއެއް!”

“ބައްޕަ ތި ކިޔާ އެއްޗެއް ނުވިސްނޭ!” މުނިޔާއަށް ވެސް ރޮވޭން ފަށައިފިއެވެ. ވަސީމާ އިނީ ބަސް ހުއްޓިފައެވެ. ނިޔަމް އިނީ މޫނުގައި އަތް އަޅައިގެން ރޯށެވެ.

“ދަރިފުޅާ! ބައްޕައާއި ބައްޕަގެ މި ކުޑަކުޑަ އާއިލާ މި ވަގުތު މި ވަނީ ރޫޙާނީ ބާރެއްގެ މުށުތެރޭގައި! އޭތި ބޭނުން ގޮތެއް އަހަރެމެންނަށް ހަދަމުން އެ ދަނީ. ހަޤީޤަތް ވަނީ ވަންހަނާވެފަ. އަސްލެއް ނެތް އެތަން ކަމެއް އަހަރެމެންގެ ލޯމައްޗަށް ދައްކައިފި! އެއީ ބައްޕަގެ ކިބައިން ބަދަލުހިފުމަށް ޓަކައި އޭތި ކުރާ…”

ފައިސަލަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ކުއްލިއަކަށް އޭނާ އިން ތަނުން ވިއްސައިގެން ގޮސް، މާ ދުރަށް ޖެހިއްޖެއެވެ. ލިބުނު ސިހުމާއެކު، ވަސިމާއާއި މުނިޔާއާއި ނިޔަމްއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހަޅޭއްލަވައިގަނެވުނެވެ. ތިން މައިން އެއްތަންވެ، އެކަކު އަނެކަކުގެ ގައިގައި އޮޅުލައިގަތެވެ. އޭރު ފައިސަލް އޮތީ ފާޚާނާ ދޮރުކައިރިއަށް ވެއްޓިޖެހިފައެވެ. އެ މީހުންގެ ބޮޑުވެ، ސިހުން ލިބިފައިވާ ކަޅިތައް ހުއްޓިފައި ހުރީ ހިރިނުލެވިފައި އޮތް ފައިސަލާ ދިމާއަށެވެ. އިރުކޮޅަކު އެހެން އޮވެފައި، ފައިސަލް މަޑުމަޑުން ތެދުވާން މަސައްކަތްކުރިއެވެ.

ވަރަށް މަސައްކަތުން، ފައިސަލް ތެދުވިއެވެ. އޭނާ މަސައްކަތްކުރީ ކުރިއަށް ހިނގައިގަންނާށެވެ. ފިޔަވަޅެއް އެޅި ވެސް މެއެވެ. އެހެންނަމަވެސް ދެވަނަ ފިޔަވަޅަކަށް ފުރުސަތެއް ނުލިބުނެވެ. ނުފެންނަ ބާރަކުން ކުއްލިއަކަށް އޭނާގެ ކަރުގައި ހިފައިފިއެވެ. ފައިސަލަށް ތެޅެގަނެވުނެވެ. މަންޒަރު ބަލާން ތިބި ތިން މައިންނަށް ވެސް އޭނާގެ ކަރުގައި މީހަކު ހިފައިފިކަން އެނގުނެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުންނެވެ. އެ މީހުން ބިރުން ތުރުތުރުއަޅާ ހާލު، އެ ދިމާއަށް ބަލަން ތިއްބާ ފެނުނީ، ފައިސަލްގެ ހަށިގަނޑު އެ ހުރި ގޮތަށް މައްޗަށް އުފުލޭންފެށިތަނެވެ. އޭރު ފައިސަލް ހުރީ، ނޭވާ ނުލެވި، ލޯ ބޮޑުވެ، ދެ ކަޅިވިދިފައެވެ.

މި ބިރުވެރި މަންޒަރު ފެނިފައި ތިން މައިންނަށް، އެއްފަހަރާ ކަހަލަ ގޮތަކަށް ރޮއިގަނެވުނެވެ. މުނިޔާއަށް ވަގުތުން ފައިސަލާ ދިމާއަށް ދުއްވައިގަނެވުނެވެ. އެހެންނަމަވެސް ވަސީމާ އޭނާގެ އަތުގައި ހިފެހެއްޓުމުން އޭނާއަކަށް ނުދެވުނެވެ.

ފަންގިފިލާގައި ބޯ ޖެހޭނުޖެހޭ ހިސާބު، ވައިގެތެރޭގައި މިނެޓެއްހައި އިރު ފައިސަލް ހުއްޓެވެ. ތެޅިތެޅިއެވެ. އެއަށްފަހު ފެނުނީ ތަޅުންގަނޑު މައްޗަށް ވެއްޓި ޖެހުނުތަނެވެ. ޖެހުނު ގޮތަށް ގުޑުމެއް ވެސް އަރުވައިނުލެވި އޭނާ އޮތެވެ. ބިރުން ތުރުތުރުއަޅާ ހާލު، އެ ތިންމައިން ވެސް އެ ތިބި ގޮތަށް، އެ ތަނުގައި ތިއްބެވެ. ފައިސަލާ ދިމާއަށް ބަލަހައްޓައިގެނެވެ.

“ސާޖިދަށް ގުޅާބަލަ!” ވަސީމާގެ އަޑު، މުނިޔާގެ ކަންފަތަށް ވަނެވެ.

އެ ވަގުތު ވަސިމާއާ ދިމާއަށް މުނިޔާއަށް ބަލައިލެވުނެވެ. ގަބޫލު ނުކުރެވިގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. “މަންމަ އެއްޗެކޭ ބުނިންތަ؟”

“ސާޖިދަށް ގުޅާފަ ބުނެބަލަ އަވަހަށް އަންނާށޭ! ބައްޕައަށް ކަމެއް ވެގެންނޭ މި އުޅެނީ!”

އެނދުމަތީގައި އޮތް ވަސިމާގެ ފޯނު މުނިޔާ ނެގިއެވެ. އަދި އަވަސްއަވަހަށް ސާޖިދުގެ ނަންބަރަށް ގުޅިއެވެ. ފުރަތަމަ ރިންގުން ސާޖިދު ފޯނު ނެގިއެވެ.

“ސާޖީ! މީ މުނީ އިނގޭ! ބައްޕައަށް ގޮތެއްވާތީ މި އުޅެނީ. ވަރަށް އަވަހަށް އައިސްބަލަ!”

“ކިހިނެއްވީ؟” ސާޖިދަށް އަވަސްއަވަހަށް އަހައިލެވުނެވެ.

“ނޭނގެ ބުނެދޭކަށް. ވަރަށް އަވަހަށް އައިސް….”

މުނިޔާއަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. ފެނުނު މަންޒަރަކުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ފޯނު އަތުން ދޫވެ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އެއާއެކު، ބެޓެރިއާ ފޯނާ ދެތަންވިއެވެ.

މުނިޔާގެ ހަޅޭކުގެ އަޑު ސާޖިދަށް ވެސް އިވުނެވެ. އެއާއެކު ފޯނު ކެނޑިއްޖެއެވެ. ސާޖިދު ވަގުތުން އެ ނަންބަރަށް ގުޅިއެވެ. ބުނަނީ ނިވާލާފައި އޮތް ވާހަކައެވެ. ދެފަހަރު ތިންފަހަރު ގުޅުމުން ވެސް ބުނަނީ އެހެންނެވެ. މުނިޔާގެ ނަންބަރަކުން ވެސް ނުނެގިއެވެ. އެ ވަގުތު ސާޖިދުގެ ފޯނަށް އެހެން ނަންބަރަކުން ކޯލެއް އަތުވެއްޖެއެވެ. އޭނާ އަވަސްއަވަހަށް ނެގިއެވެ. ގުޅީ ސަލީމެވެ.

ސިހުމާއި ބިރުވެރިކަމުން ފުރިފައިވާ ނަޒަރަކުން ކަޅިޖަހައި ނުލައި ވަސީމާގެ ތިން މައިން ބަލަން ތިއްބާ، ވެއްޓި ހިރިނުލެވިފައި އޮތް ފައިސަލްގެ އެއް ފައިގައި ހިފައި ދަމާކަހާފައި، ނުފެންނަ ބާރަކުން އޭނާ ކޮޓަރިން ބޭރަށް ނެރެފިއެވެ. އެ ތިން މައިން ތިބީ ކުރާނެކަމެއް ނެތިފައެވެ. ބިރުން ރޫރޫއަޅައަޅައެވެ. ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔުމުގައެވެ.  

ފައިސަލް ސިޓިންރޫމަށް ނެރެފިއެވެ. އެހައިތަނުން އޭނާގެ ހަށިގަނޑަށް މަޑުޖެހުމެއް އަތުވެއްޖެއެވެ. ފައިސަލްގެ ހަށިގަނޑުގައި އެއްވެސް ވަރެއް ހުރިހެނެއް ހިޔެއް ނުވެއެވެ. އޭނާ ހަމަ އެ އޮތްގޮތަށް ގުޑުމެއް ވެސް އަރުވައިނުލައި އޮތެވެ. ވަރަށް ކުރުކުރުކޮށް ނޭވާލަމުން ގެންދާތަން ފެނެއެވެ.

މި ގޮތުގައި އެއް މިނެޓް، ދެ މިނެޓަށް، ދެ މިނެޓް ތިން މިނެޓަށްވެ، ހަތަރު މިނެޓް ހިނގައިފިއެވެ. ރޫޙާނީ މަޚުލޫޤުގެ ހިލަމެއް ނުވިއެވެ. ވަސީމާގެ ތިން މައިން ކޮޓަރިތެރޭގައި ގުޅައަކަށް ތިއްބެވެ. ފައިސަލާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެކަކު ވެސް ބަހެއް ނުބުނެއެވެ. ދެން ވާނީ ކިހިނެއްކަން ނޭނގި ނޭވާ ހިފަހައްޓައިލައިގެން ތިބީއެވެ.

“މަންމާ!” މުނިޔާ ވައިއަޑުން މަންމައަށް ގޮވައިލިއެވެ. “ހިނގާ ބައްޕަ އަވަހަށް ހޮސްޕިޓަލަށް ގެންދަން! މުނިޔާއަށް ރޮވިއްޖެއެވެ. ނިޔަމް ވެސް ހުރީ ރޮވިފައެވެ. ވަސީމާގެ ދެ ލޮލުން ވެސް ހުއްޓުމެއް ނެތި ކަރުނަ އޮހެމުންދެއެވެ.

“މަންމަ ވަރަށް ބިރުގަނޭ!”

“އެކަމަކު ވެސް މި ހެން ބަލަން ތިބޭކަށް ނުވާނެ! އެހެން އޮއްވާ ބައްޕަ މަރުވެސް ވެދާނެ!”

“އެކަމަކުވެސް ބައްޕައާ ކައިރިވާކަށް ނުކެރޭނެ! މި ގޭގައި އެބަ އުޅޭ ބިރުވެރި އެއްޗެއް!”

” ކޮންމެ ގޮތެއް ވިޔަސް ހެޔޮ! އަހަރެން މި ދަނީ!”

ދެ ލޯ ފޮހެލަމުން މުނިޔާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ކޮޓަރިން ނިކުންނާށެވެ. މުނިޔާ ހުއްޓުވަން ވަސިމާ ބޭނުންވިއެވެ. އެހެންނަމަވެސް އޭނާއަކަށް އެއްޗެއް ނުބުނެވުނެވެ. ނޭވާ ހިފަހައްޓާލައިގެން ހުރީއެވެ. ހެޔޮ ދުޢާގެ މަތީގައެވެ.

މުނިޔާ ކޮޓަރިން ނިކުމެއްޖެއެވެ. މަޑުމަޑުން ކުރިއަށް ދިޔައެވެ. ފައިސަލް އޮތް ދިމާއަށެވެ. އޭނާ ބޭނުން ވަނީ ބައްޕަ ގާތަށް ގޮސް ބައްޕައަށް ގޮވާށެވެ. ހޭވެރިކަން ހުރިތޯ ބަލާށެވެ. ނެތިއްޔާ ވަގުތުން އެމްބިއުލާންސަށް ގުޅާށެވެ. ހޭ ހުރިއްޔާ، ތެދުވެވޭ ވަރުގެ ހަކަތައެއް ބައްޕަގެ ގައިގައި ހުރިތޯ ބަލައި، ވީ އެންމެ އަވަހަކަށް ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ.

މުނިޔާ ގޮސް ފައިސަލްގެ ގާތަށް ހުއްޓުނެވެ. ތަޅުގަނޑުމަތީގައި ބަނޑުވަތަށް ކަހަލަ ގޮތަކަށް އޮތް ފައިސަލްގެ މޫނު އޭނާއަށް ފެނެއެވެ. ދެ ލޯ ވަނީ މެރިފައެވެ. ނިތްމަތިން ތަންކޮޅެއް ދުޅަވެފައި ހުރިތަން ވެސް ފެނުނެވެ. މުނިޔާއަށް ހުރެވުނީ. ފައިސަލާ ދިމާއަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކު ހުރެފައި، ބައްޕާއޭ ކިޔައި ގޮވައިލިއެވެ. ދެ ފަހަރު ތިން ފަހަރު ގޮވައިލުމުން ވެސް ފައިސަލްގެ ޚަބަރެއް ނުވިއެވެ. ހަމަ އޮތްގޮތަށް އޮތީއެވެ. އިރުކޮޅަކުން އޭނާ އެ ތަނުގައި އުޑަފައިން އިށީނދެ، ބައްޕަގެ ގައިގައި ކޮއްޓާލަމުން އަނެއްކާ ވެސް ގޮވައިލިއެވެ.

އެ ވަގުތު ފައިސަލްގެ ފަޔަށް ކުޑަ ހަރަކާތެއް އަތުވެއްޖެއެވެ. ވަރަށް ލުއިލުއި ހަރަކާތެކެވެ. މި ތަން މުނިޔާއަށް ފެނުނެވެ. ބައްޕަގެ ހޭވެރިކަން ހުރިކަން އެނގުމުން، މުނިޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އުއްމީދު އާވިއެވެ.

“ބައްޕާ! ބައްޕާ! ލޯ ހުޅުވާލަބަލަ! މީ މުނިޔާއޭ!” ބައްޕަގެ ބޮލުގައި ފިރުމައިލަމުން ވަރަށް އޯގާވެރި އަޑަކުން މުނިޔާ ގޮވަންފެށިއެވެ. “ހިނގާ ހޮސްޕިޓަލަށް ދާން ދޯ!”

ފައިސަލްގެ ފަޔަށް އައި ލުއިލުއި ހަރަކާތް ފިޔަވައި އިތުރު ހަރަކާތެއް ނެތެވެ. ލޯ ދިލުވައި ނުލިތާނގައި، އެސްފިޔަ ވެސް ހަލުވައިލިތަން ނުފެނެއެވެ.

“ބައްޕާ!” އިރުކޮޅަކު އިނދެފައި މުނިޔާ އަނެއްކާވެސް ގޮވައިލިއެވެ. “ލޯ ހުޅުވާލަބަލަ!”

މުނިޔާ އެތަނަށް ގޮސް ތިންހަރަތު މިނެޓުވިއިރު ވެސް، މާ ބޮޑު ކަމެއް ނުވުމުން، ވަސީމާއަށް ވެސް ހިތްވަރު ލިބިއްޖެއެވެ. އޭނާ މަޑުމަޑުން ކޮޓަރިން ނިކުމެއްޖެއެވެ. ފަހަތުން ނިޔަމް ވެސް ނިކުމެއްޖެއެވެ. އެ ދެމައިން ފައިސަލް އޮތް ދިމާއަށް މަޑުމަޑުން ހިނގައިގަތެވެ.

މުނިޔާ ތެދުވެގެން ގޮސް ފެންތަށްޓެއް ހިފައިގެން އަތުވެއްޖެއެވެ. އޭރު ވަސިމާއާއި ނިޔަމް ވެސް ތިބީ ފައިސަލްގެ ގާތުގައެވެ. މުނިޔާ އައިސް ފައިސަލްގެ މޫނުގައި ފެންފޮދެއް އުނގުޅައިލިއެވެ. ބޮލުގެ އިސްތަށިކޮޅު ވެސް ތެންމާލިއެވެ.

“ބައްޕާ!” މުނިޔާ އިނީ ފައިސަލްގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ.

ކުއްލިއަކަށް ފައިސަލް ލޯ ހުޅުވާލައިފިއެވެ. ދެ ލޯ ބޮޑުވެގެން ގޮސް، ގޮބޮޅި ބޭރަށް ނިކުމެފައި ހުރި ކަހަލައެވެ. މި މަންޒަރު ފެނިފައި، މުނިޔާއަށް ބޭއިޚުތިޔާރުގައި ފުންމައިގެން ތެދުވެވުނެވެ. ވަސީމާއާއި ނިޔަމްއަށް ވެސް ފަހަތަށް ޖެހެވުނެވެ. އެ ވަގުތު އެއް ކަށްޓަކަށް ފައިސަލް ކޮޅަށް ތެދުވެއްޖެއެވެ. އެއްލި އަތުން ހިފީ މުނިޔާގެ ކަރުގައެވެ. މުނިޔާ ތެޅެގަތެވެ. އޭނާއަށް ވަގުތުން ފައިސަލްގެ އަތުގައި ދެ އަތުން ހިފެހެއްޓުނެވެ. ސަލާމަތްވެވޭތޯ އުޅުނެވެ. އެހެންނަމަވެސް ފައިސަލްގެ އަތުގެ ބާރު މާ ގަދައެވެ. މުނިޔާއަކަށް އެއްކަމެއް ވެސް ނުކުރެވުނެވެ.

ފެންނަމުން ދިޔަ ބިރުވެރި، ހިތްދަތި މަންޒަރާއެކު ނިޔަމްއާއި ވަސީމާއަށް ރޮއިގަނެވުނެވެ. ނިޔަމްއަށް ވަސީމާގެ ގައިގައި އޮޅުލައިގަނެވުނީ ގަތް ބިރުންނާއި ވީ ދެރައިންނެވެ. އޭރު އޭނާގެ ހަށިގަނޑު ރޫރޫއަޅައެވެ. އެ ދެ މައިންގެ ނަޒަރު ހުއްޓިފައި ވަނީ ފައިސަލާއި މުނިޔާއާ ދިމާއަށެވެ.

“ފައިސަލް! ހެޔޮނުވާނެ! އެ ކުއްޖާއަށް ތިހެން ނަހަދާ! އޭނާ ދޫކޮށްލާ!”

މުނިޔާގެ ކަރުގައި ފައިސަލް ހިފާފައި ހުރިލެއް ބާރުކަމުން، އޭނާއަކަށް ނޭވާއެއް ނުލެވެއެވެ. އޭނާ ހާސްވެގެން ތެޅެންފެށިއެވެ. ދެ ލޯ ބޮޑުވާން ފަށައިއެވެ. އަނގަ ހުޅުވި، ދޫ ނިކުންނަ ގޮތް ވާން ފަށައިފިއެވެ. މި ހިތްދަތި މަންޒަރު ފެނުމުން ނިޔަމްއަށް ބަލާކަށް ނުހުރެވުނެވެ. ލޭގެ ގުޅުމުގެ ތެރެއިން އޭނާގެ ހިތުގައި ކުލުނުވެރިކަމާއި ލޯބި އުތުރިއަރައިގަތެވެ. ދޮންތާއޭ ކިޔައި ރޮއިގަންނަމުން އެ ދިމާއަށް ދުއްވައިގަތެވެ. އެ ދިޔަގޮތަށް ގޮސް، ފައިސަލްގެ އަތުގައި ހިފެހެއްޓިއެވެ.

“ބައްޕާ! އަޅެ ދޮންތަ މަރުވަނީއޭ! ދޫކޮށްލަބަލަ!” ނިޔަމް ބާރަށް ރޮއިގަތެވެ.

ނިޔަމްއާ ދިމާއަށް ފައިސަލް ބަލައިލިއެވެ. ރުޅިވެރިކަމުން ފުރިފައިވާ ނަޒަރަކުންނެވެ. އެއާއެކު ކުއްލިއަކަށް އަނެއް އަތް އެއްލައި ނިޔަމްގެ ކަރުގައި ފައިސަލް ހިފައިފިއެވެ. ނިޔަމް ތެޅެގަތެވެ. ފައިސަލްގެ ކިބައިން ސަލާމަތްވެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ކާމިޔާބެއް ނުވިއެވެ.

ދެ ދަރިން ފައިސަލްގެ ޝިކާރައަކަށް ވަމުންދާ މަންޒަރު ފެނިފައި، ވަސީމާއަށް ދުއްވައިގެނެވުނެވެ. ފައިސަލާ ދިމާއަށެވެ. އެ ކުދިންނަށް ތިހެން ނަހަދާށޭ ކިޔައި ރޮމުންނެވެ. އެހެންނަމަވެސް މިހާރު ފައިސަލްގެ މައްޗަށް ހިނގަނީ، ފައިސަލްގެ ބާރު ނޫންކަން އޭނާއަށް އެނގެއެވެ. ފައިސަލް އެ ވަނީ ރޫޙާނީ މަޚުލޫޤެއްގެ ބާރުގެ ދަށުގައި ރަނގަޅަށް ހައްޔަރުވެފައެވެ. އެ ކުދިންނަށް އަނިޔާކުރަމުން އެ ގެންދަނީ އެ މަޚުލޫޤެވެ.

ވަސީމާ އެ ދިޔަ ގޮތަށް ގޮސް، އައިސްއަލަމާރި ކައިރީގައި ހުރި ފިހިގަނޑު ނެގިއެވެ. އޭނާ ބޭނުންވަނީ ފައިސަލްގެ ގައިގައި ތަޅައިގަންނާށެވެ. މަރުވިޔަސް ހެޔޮކަމަށެވެ. އޭނާގެ ދެ ދަރިން ސަލާމަތްކުރަން އޭނާ ބޭނުންވެއެވެ. އެހެންކަމުން ފިހިގަނޑު ހިފައިގެން ގޮސް، އޭނާ ފައިސަލްގެ ފުރަގަހުގައި ހުއްޓުނެވެ. ފިހިގަނޑު އަތަށް ހެޔޮވަރުކޮށްލިއެވެ. ފައިސަލްގެ ބޮލުގައި އެތިފަހަރެއް އަޅަން އަތް ދަމާލި ވަގުތު، އޭނާގެ ހަރަކާތަށް ހުއްޓުންއެރިއެވެ.

“ނުޖަހާތި މަންމާ!”

ލިބުނު ކުއްލި ސިހުމާއެކު، އަޑު އައި ދިމާއަށް ވަސީމާއަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާގެ އަތުން ފިހިގަނޑު ވެއްޓުނެވެ. އޭނާއަށް ފެނުނީ ދުވެފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން އައި ސާޖިދެވެ. ސާޖިދުގެ ފަހަތުން، ތިރީހަކަށް އަހަރުގެ ޒުވާން ފިރިހެނަކު ވެސް ވަދެގެން އަންނަތަން ފެނުނެވެ.

ސާޖިދު ފެނުމާއެކު ވަސީމާއަށް މާ ބާރަށް ރޮއިގަނެވުނެވެ. އޭނާއަށް ދުވެފައި ގޮސް ސާޖިދުގެ ގައިގައި އޮޅުލައިގަނެވުނެވެ.

“ދަރިފުޅާ! އަވަހަށް މަންމަގެ ދެ ދަރިން ސަލާމަތްކޮށްދީ!”

 ވަސީމާ ހުރީ ގޮތްހުސްވެ، ކޮޅުމަގަށް އަރާފައެވެ. ބިރުން ގޮސް ހިތް ހުއްޓޭވަރު ވެފައެވެ. ހިތާމައިން ހިތް ފަޅައިގެންދާ ވަރު ވެފައެވެ. އެ ހާލަތުގައި ހުއްޓާ ސާޖިދު ފެނުމުން އޭނާއަށް ކެތް ނުކުރެވުނީއެވެ.

“ފަރުހާދު! އަވަސްކުރޭ!” ވަސީމާގެ ގައިގައި ސާޖިދު ބައްދާލިއެވެ. އޭރު ސާޖިދުގެ ނަޒަރު ވެސް ހުއްޓިފައި ހުރީ، ފެންނަމުންދާ ނުރައްކާތެރި ހިތްދަތި މަންޒަރާ ދިމާއަށެވެ. އޭރު މުނިޔާގެ ހަށިގަނޑުން ވަނީ ވަރު ހުސްވެފައެވެ. ހާސްވެ، ނޭވާނުލެވިގެން ނިޔަމް ތެޅިފޮޅެނީއެވެ.

ފަރުހާދުގެ އަތްމަތި ވަރަށް އަވަހަށެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް، މޭޒުމަތީގައި ހުރި ބިއްލޫރިތަށި ނެގިއެވެ. ސިންކް ކައިރިއަށް ޖެހިލައި، އިސްކުރުން ތަށްޓަށް ފެންފުރިއެވެ. އޭރުވެސް އޭނާ ފަރިތަކަމާއެކު ކޮންމެވެސް އެއްޗެއް ކިޔަވަމުން ގެންދެއެވެ.

ފެންތަށި ހިފައިގެން އަޑު ހަރުކޮށް ކިޔަވަމުން، ފައިސަލް ގާތަށް ފަރުހާދު ޖެހެންފެށިއެވެ. ފަސްވަރަކަށް ފޫޓަށް ކައިރިވެފައި، ތަށިން އަތަށް ފެންގޮށްޓެއް އެޅިއެވެ. އެއަށްފަހު އަތަށް ފުމެލަމުން ފައިސަލް މޫނަށް ފެންގޮށި ޖަހައިފިއެވެ. އެއާއެކު ފައިސަލް ތެޅެގަތެވެ. ކަރުބުޑުން ބިރުވެރި ހަޅޭކެއްގެ އަޑު ނިކުތެވެ. ފަރުހާދު ބަލާކަށް ނުހުރެ، ދެވަނަ ފެންގޮށްޓަށް ފުމެލާފައި، ފައިސަލްގެ މޫނަށް ޖެހިއެވެ. އެއާއެކު ފައިސަލްގެ ގައިން ވަރު ހުސްވެއްޖެއެވެ. އޭނާގެ އަނިޔާވެރި އަތުން ނިޔަމްއާއި މުނިޔާ ވިއްލިއްޖެއެވެ. ހަމަ އެއާއެކު އެ ދެކުދިން އެ ތިބި ތަނަށް ވެއްޓި ޖެހިއްޖެއެވެ.

އޭރުވެސް ފައިސަލް ކަރުބުޑުން ހަޅޭކުގެ ބިރުވެރި އަޑު ނިކުންނަމުން ދެއެވެ. އޭނާ މަސައްކަތްކުރަމުން ގެންދިޔައީ ފަރުހާދާ ދިމާއަށް ފުންމައިގަންނާށެވެ. ފަރުހާދު ޖެހިލުމެއް ނުވެއެވެ. ފާޑުވެރިކަމާއެކު އެ ކިޔަވާ އެއްޗެއް ކިޔަމުން، ތިންވަނަ ފެންގޮށި ފައިސަލްގެ މޫނަށް ޖަހައިފިއެވެ. އެއާއެކު ފައިސަލް އިދިފުށަށް ވެއްޓި ޖެހިއްޖެއެވެ. ހަށިގަނޑު ވަގުތުން ހިމޭންވެއްޖެއެވެ.

ފައިސަލްގެ ބާރު ކެނޑުމާއެކު، ވަސީމާއާއި ސާޖިދު ދުއްވައިގަތެވެ. ވެއްޓިފައި ތިބި މުނިޔާއާއި ނިޔަމްއާ  ދިމާއަށެވެ. އެ މީހުންނަށް އެ ހިސާބަށް ދެވުނު އިރު ވެސް ނިޔަމް އޮތީ ކަރުގައި އަތްއަޅައިގެން ކެއްސަކެއްސައެވެ. އޭނާ ކޮށިއަރަނީއެވެ. ނޭވާ ލެވެނީ ކުރުކުރުކޮށެވެ. މުނިޔާގެ އެއްވެސް ހަރަކާތެއް ނެތެވެ. ދެ ވަނީ ލޯ މެރިފައެވެ. އެ ހަށިގަނޑު އޮތީ ހިމޭންވެފައެވެ. ނޭވާއެއް ނުލައެވެ.

ވަސީމާ އައިގޮތަށް އައިސް ނިޔަމް ގާތު އިށީނދެ، އޭނާގެ މޭގައި ފިރުމާންފެށިއެވެ. ސާޖިދު އިށީންނީ މުނިޔާ ގާތުގައެވެ.

“މުނީ! މުނީ!” މުނިޔާގެ ގައިގައި ހިފައި ތަޅުވައިގަންނަމުން ސާޖިދު ގޮވަންފެށިއެވެ. އޭރު އޭނާއަށް ވަނީ ރޮވިފައެވެ. ދެ ލޯ ކަރުނައިން ބަރުވެފައެވެ. “މުނީ! ލޯ ހުޅުވާލަބަލަ! އޭތް! މުނީ!”

މުނިޔާގެ އެއްވެސް ހަރަކާތެއް ނެތެވެ. މުނިޔާ ނޭވާ ނުލާކަން ސާޖިދަށް އެނގުނީ އެހައިހިސާބުންނެވެ. އެ ވަގުތު އޭނާގެ ހަރަކާތަށް ހުއްޓުންއެރިއެވެ. ބިރުވެރި ބެލުމަކުން މުނިޔާއާ ދިމާއަށް ބަލަން އިނދެފައި ބާރަށް ރޮއިގަތެވެ. މުނިޔާގެ ގައިގައި އޮޅުލައިގަންނަމުންނެވެ.  އެ ވަގުތު ވަސިމާއަށް ވެސް މުނިޔާގެ ގާތަށް ޖެހިލެވުނެވެ.

މުނިޔާގެ ހަށިގަނޑަށް އައިސްފައިވާ ހަމަހިމޭންކަން ފެނިފައި، ވަސީމާއަށް ވެސް ބާރަށް ރޮއިގަނެވުނެވެ. “ދަރިފުޅާ! މަންމަގެ ލޯބިވާ ދަރިފުޅާ!” ވަސީމާ މޮޔައަކު ފަދައިން ރޮއިހޭރެން ފެށިއެވެ.

“ތިހެން ނުތިބެ، މި ކުދިން އަވަހަށް ހޮސްޕިޓަލަށް ގެންދަން އުޅެމާ ހިނގާ! އެހެންނޫނީ މާ ލަސްވެދާނެ!” ފަރުހާދު އެ މީހުންގެ ގާތަށް ޖެހިލިއެވެ. އެއަށްފަހު އޭނާ އަވަސް އަވަހަށް ފޯނު ނަގައި އެމްބިއުލާންސަށް ގުޅިއެވެ. އޭރު ވެސް ވަސީމާއާއި ސާޖިދު ރޮއިރޮއިފައި މުނިޔާއަށް ގޮވަނީއެވެ.

ގަޑިން އެ ރޭގެ ދިހަގަޑިބައިވެ ބޮޑުވެއްޖެއެވެ. މުނިޔާއާއި ނިޔަމް ގޮވައިގެން ސާޖިދާއި ވަސީމާ ވީ ހޮސްޕިޓަލުގައެވެ. ގޭގައި ހުރީ ފަރުހާދެވެ. އޭރުވެސް ފައިސަލް އެ އޮތްގޮތަށް އޮތެވެ. ހޭވެރިކަން ގެއްލިފައެވެ. ފަރުހާދު އިންތިޒާރުކުރަމުން ގެންދިޔައީ، ފައިސަލް ހޭއަރާނޭ ވަގުތަކަށެވެ. އެހެން އިންދާ އިރުކޮޅަކުން އޭނާގެ ފޯނަށް ފޯނެއް އަތުވެއްޖެއެވެ. ގުޅީ ސަލީމެވެ.

“ހަލޯ! ކީކޭ ސަލީމްބޭ!”

“ކޮބާ ކޮންތާކު؟ އެ ގޭގަތަ؟”

“އާނ! އެ ގޭގަ.”

“ކިހިނެއް ވަނީ؟”

ވަރަށް ގޯސް ސަލީމްބޭ!”

“ކިހިނެއްވީ؟” ސަލީމްގެ އަޑުގައި ކަންބޮޑުވުން އެކުލެވުނެވެ.

“ހީވަނީ އެތަނުން ކޮންމެވެސް އެއް މަންޖެއަކު މިހާރު މަރު ވެސް ވެއްޖެހެން.”

“މަރުވިއޭ؟ ކޮން ކުއްޖެއް؟” ސަލީމަށް ތެޅެގަނެވުނެވެ. އަތުގައި އޮތް ފޯނު ނުވެއްޓުނީ ވެސް ކިރިޔާއެވެ.

ވީ ގޮތް ކުރު ގޮތަކަށް ފަރުހާދު ކިޔައިދިނެވެ. ފަރުހާދަށް އެ ގެއަށް އާދެވުނު އިރު ކަން އޮތްގޮތާއި އޭގެ ފަހުން ހިނގައިދިޔަ ކަންތައްތަކެވެ. އަދި މިހާރުގެ ހާލަތު ވެސް އޮޅުންފިލުވައިދިނެވެ.

“ހޮސްޕިޓަލަށް ދިޔަފަހުން އަދި ޚަބަރެއް ނުވޭ؟” ސަލީމަށް އަހައިލެވުނެވެ.

“އާނ!”

“ސަލީމްބެ ދެތިން ފަހަރަކު ސާޖިދަށް ގުޅައިފިން. ނުނަގާ ފޯނެއް.”

“އެހެންވެ އެ ނުނަގަނީ.”

“އެކަމަކު ތި ބުނި އެއްޗަކުން ވަރަށް އަސަރުކޮށްފި. ފައިސަލް މިހާރު ކިހިނެއް؟”

“އަދި ހޭ ނާރާ.”

“ކޮއްކޮއަށް ވީ އެންމެ ރަނގަޅަކަށް ތި ކަމުގައި އެހީތެރިކަން ފޯރުކޮށްދެއްޗޭ! ފައިސަލަކީ ސަލީމްބެގެ ވަރަށް ގާތް މީހެއް. ތިޔައިން ކޮންމެ ކުއްޖަކީ ވެސް ހަމަ އާއިލާގެ ކުދިން ފަދަ ކުއްޖެއް. އެއިން ކޮންމެ މީހަކަށް ދެރަ ގޮތެއް ވިއްޔާ ސަލީމްބެ ވަރަށް ދެރަވާނެ!”

“އިންޝާﷲ! ސަލީމްބެއަށް ކޮށްދޭ ކަމެއްގެ ގޮތުގައި އަހަރެން މިކަން ކޮށްދޭނަން!”

ފަރުހާދަކީ ސަލީމްގެ އާއިލީ ކުއްޖެކެވެ. ކުޑައިރު ބައްޕަ ނިޔާވުމުން، ސަލީމްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ޢާއިލާއެއްގެ ކުއްޖެކެވެ. އެހެންކަމުން އެ އާއިލާގެ ކޮންމެ ކުއްޖަކު ވެސް ސަލީމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރެއެވެ. ޤަދަރު ކުރެއެވެ. ފަރުހާދު މި ރޭ އެ ގެއަށް އައިސް އެ އުޅެނީ ސަލީމްގެ އެދުމަށެވެ.  

ސާޖިދާއި ވަސީމާ ތިބީ ހޮސްޕިޓަލުގައެވެ. ކުއްލި ފަރުވާ ދޭ ކޮޓަރީގައެވެ. އެ މީހުން މަޑުކޮށްގެން ތިބީ، ނިޔަމް ކައިރީގައެވެ. ނިޔަމް މިހާރު އޮތީ ކުޑަކޮށް ހަމައަކަށް އެޅިފައެވެ. ވާހަކަ ދައްކާލެވޭ ވަރުވެއެވެ. އެހެންނަމަވެސް އެއިން އެކެއްގެ ހިތަކަށް ވެސް ހަމަޖެހުމެއް ނުލިބެއެވެ. ކޮންމެ މީހެއްގެ ލޮލުގެ ބައިވެރިއަކީ ވެސް ކަރުނައެވެ. މުނިޔާއާ މެދު ތަޤުދީރުގެ ރޭވުން އޮތީ ކިހިނެއްކަން ނޭނގޭތީ ކުރެވޭ ހިތާމަ ވަނީ އެ މީހުން ވަށާލައިފައެވެ.

މުނިޔާގެ ހަރަކާތް ހުސްވެފައިވާ ހަށިގަނޑު ބާއްވާފައި އޮތީ، ފަރުދާކޮށްފައިވާ އެނދެއްގައެވެ. އޭނާގެ ގާތުގައި ތިން ޑޮކްޓަރުންނާއި ދެ ނަރުހުން ހަރަކާތްތެރިވެއެވެ. ޑޮކްޓަރުން ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ގެންދިޔައީ މުނިޔާއަށް ސީޕީއާރު ދީގެން ނޭވާލެއްވޭތޯއެވެ. އެހެންނަމަވެސް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ. މުނިޔާއެކޭ މަރުވެފައިވާ މައްޔިތެކޭ ތަފާތެއް ނެތެވެ.

ސަލީމްގެ ފޯނު ނިންމާލާފައި ފަރުހާދަށް ފޯނު ބޭއްވުނީ ހަމަ ކިރިޔާއެވެ. ކުއްލިއަކަށް ގެއިން ކަރަންޓް ކެނޑިއްޖެއެވެ. މުޅި ގެ އަނދިރީގެ ބޯ ފަރުދާއެއްގެ ނިވަލަށް ވެއްދި ކަހަލައެވެ. ފަރުހާދު ވަގުތުން ފޯނުގެ ލައިޓް ޖެއްސިއެވެ. އޭނާ ފުރަތަމަ ވެސް އަލިކޮށްލީ، ފައިސަލް ވެއްޓިފައި އޮތް ދިމާއަށެވެ. މިހާރު އެ ތާކު ފައިސަލެއް ނެތެވެ. ފަރުހާދަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. އެހެންނަމަވެސް އޭނާ ވަގުތުން ހަމަޖެހިލިއެވެ. ހާސްވެ ކަންބޮޑުވެގެން މި ފަދަ ކަންކަމުގައި ކުރިއެއް ނުލިބޭނެއެވެ.

ސިޓިންރޫމުގެ އެކި ދިމަދިމާއަށް ފަރުހާދު އަލިކުރާންފެށިއެވެ. ފައިސަލް ފެނޭތޯއެވެ. ބަދިގެއަކުން، ސިޓިންރޫމަކުން ފައިސަލެއް ނުފެނުނެވެ. ފަރުހާދަށް ފައިސަލް ގެއްލިއްޖެއެވެ. ކޮންމެވެސް ތަނެއްގައި އޭނާ ފިލައި އޮންނާނެއެވެ. މިއީ ގޯހެކެވެ. ކޮންމެވެސް ނުބައެއް ހިނގާން އުޅޭކަމުގެ ނިޝާނެކެވެ. އޭނާ ވިސްނައިލިއެވެ. ދެން ހަދާނެ ގޮތަކާމެދުގައެވެ.

ފަހަރެއްގައި މި ތަނުން ކޮޓަރިއަކަށް ވެސް ވަދެ އޮވެދާނެއެވެ. ހަދާނީ ކިހިނެއް ބާވައެވެ؟ އޭނާ ވީ ތަނަކުން ހޯދާން އެބަ ޖެހެއެވެ. ނުފެނި ގިނަ އިރު ވުމަކީ ނުރައްކަލެކެވެ. ރުޙާނީ ބާރުގެ ހަކަތަ އިތުރަށް ވަރުގަދަވެ، މައިތިރިކުރަން އެޅޭ ހުރަހަކަށް ވާނެއެވެ.

މިއީ އޭނާ ދުވަހަކު ވެސް އައި ގެއެއް ނޫނެވެ. ވަން ގެއެއް ނޫނެވެ. ދަންނަ ބަޔަކު އުޅޭ ގެއެއް ވެސް ނޫނެވެ. ވީއިރު ގޭ މީހުން ނެތި، އެ މީސްމީހުންގެ ކޮޓަރިތަކަށް ވަންނާން ވެދާނެ ބާވައެވެ؟ އެކަމަކު ނުވަދެއެއް ވެސް ވާކަށް ނެތެވެ. މި ކަމުން މި އާއިލާ ސަލާމަތްކުރެވޭތޯ ބަލާން އެބަ ޖެހެއެވެ.

ތަފާތު ގޮތްގޮތަށް ވިސްނުމަށްފަހު އެންމެ ފަހުން ފަރުހާދު ނިންމީ ކޮޓަރިއަށް ވަންނާށެވެ. ފަހަރަކު ކޮޓަރިއެއް ބަލާށެވެ. އެ ވިސްނުމުގައި އޭނާ އެ ތަނުން އެއް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެއީ ކާކުގެ ކޮޓަރިއެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާއަށް އެ ހިނގައިގަނެވުނީ، މުނިޔާގެ ކޮޓަރިއާ ދިމާއަށެވެ.

ފަރުހާދު ގޮސް އެ ކޮޓަރީ ތަޅުގައި ހިފައި އަނބުރައިލިއެވެ. އޭރު އޭނާ ވެސް ހުރީ މޭޖެހޭގޮތް ވެފައެވެ. ކޮޓަރިތެރެއިން ދިމާވާނީ ކޮން ފަދަ ކަންތައްގަނޑެއްކަމެއް ނޭނގެއެވެ. އަމިއްލަ ނަފުސުގެ ރައްކަލަށް، ކިޔަވާންޖެހޭ އާޔަތްތަކާއި ޒިކުރުތައް ކިޔަވަމުން، އޭނާ ކޮޓަރީ ދޮރު ހުޅުވިއެވެ. އަނދިރި ގުދަނެއްހެން އޮތް ކޮޓަރިއަށް ފޯނުން އަލިކޮށްލިއެވެ. އެކި ދިމަދިމާއަށް ބަލައިއެވެ. އެ ކޮޓަރިއަކު ވެސް ފައިސަލެއް ނެތެވެ. އިރުކޮޅަކު ހުރެފައި، ފަރުހާދު ކޮޓަރިއަށް ވަނެވެ. ފާޚާނާ ވެސް ބަލައިލާށެވެ.

އެ ކޮޓަރިން ފަރުހާދު ނިކުތީ، ނަތީޖާއެއް ނެތިއެވެ. ދެން އޭނާ ހިނގައިގަތީ، ވަސީމާގެ ކޮޓަރިއާ ދިމާއަށެވެ. އޭނާ އެ ދިޔަގޮތަށް ގޮސް، ކޮޓަރީ ތަޅުގައި ހިފައި އަނބުރާލިއެވެ. ދޮރު ހުޅުވައި، ކޮޓަރިތެރެއަށް އަލިކޮށްލިއެވެ. މި ކޮޓަރިން ވެސް ފެނުނީ ފަޅުކަމެވެ. ދިރޭ ފުރާނައެއްހައި މިންވަރު ވެސް ނުފެނުނެވެ. ފާޚާނާ ބަލާފައި ކޮޓަރިން ނިކުތުމަށް ޓަކައި، ދޮރާހަމައަށް އައިތަނާ، އޭނާގެ ބޯމަތިން ޕަކަޕަކައަޅާފައި މީހަކު ހީނގަތް އަޑު އިވުނެވެ.

ފަރުހާދަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސްއަވަހަސް އިސްއުފުލައި މައްޗަށް ބަލައިލަމުން، ފޯނުން އަލިކޮށްލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ، ސީލިންގުގައި ތަތްކޮށްލައިގެން، އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިން ފައިސަލެވެ. ދެ ދަތްޕިލަ ދިލުވައިގެން، ފަރުހާދާ ދިމާއަށް ބަލަހައްޓައިގެން އިނދެ ހެނީއެވެ.

“މާ ލަދުހަޔާތް ކުޑަ ފާޑަކަށް ހޭނެކަމެއް ނެތް! ހަމަ މިހާރު ތި ތަނުން ފައިބާ!” ފަރުހާދު ވަގުތުން އިންޒާރު ދިނެވެ.

“މަށަށް އަމުރުކުރަން ކަލޭ ތީ ކާކު؟” ފައިސަލްގެ ސުވާލު ހަރުކަށްޓެވެ. އަޑުގައި ހުރީ ބިރުވެރި ގޮތެކެވެ. މޫނުމަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ.

“ކާކުކަން ދައްކާލަންވީތަ؟” ފަރުހާދު ދެ ލޯ ބޮޑުކޮށްލިއެވެ.

“ކަލެއަކަށް އެއްކަމެއް ވެސް ނުކުރެވޭނެ!” ފައިސަލް ރައްދުދިނެވެ.

ފަރުހާދު ހުރީ ފައިސަލްގެ މޫނަށް އަލިކޮށްގެންނެވެ. އޭނާ އަޢޫޛު، ބިސްމި ކިޔާފައި، އާޔަތްތަކެއް ކިޔަވާންފެށިއެވެ. ޖީބުން ރުމާލެއް ނަގައި އަތަށް ހެޔޮވަރުކޮށްލަމުންނެވެ. ފައިސަލް ފާޑަކަށް ބަލާން އޮތެވެ. ފަރުހާދުގެ ކިޔެވުން ކުރިއަށް ދިޔަ ވަރަކަށް، ފައިސަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން އާދެއެވެ. ހާސްކަމުގެ އަސަރު ފެންނަމުން ދެއެވެ. މި ކަން ވީ، ފަރުހާދަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އޭނާގެ ކޮޅު ގަދަވަމުން އަންނަކަމުގެ އިޝާރާތަކަށެވެ.

“އޭތް! ހަމަ މިހާރު ހުއްޓާލާ!” ފައިސަލްގެ ބިރުވެރި އަޑު ގޭތެރޭގައި ގުގުމައިގަތެވެ. އެ އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“ތި ތަނުން ފައިބާ!” ފަރުހާދު އަނެއްކާ ވެސް އަމުރުކުރިއެވެ.

“ނުފައިބާނަން!” ފައިސަލްގެ އަޑުގައި ހުރި ރުޅިވެރިކަން އައީ އިތުރުވަމުންނެވެ.

ފަރުހާދު އިތުރު އެއްޗެއް ނުބުނެއެވެ. އަނެއްކާވެސް ކިޔަވާން ފެށިއެވެ. ކުރިއަށްވުރެ ހަލުއިކޮށެވެ. ބާރަށެވެ. ޖޯޝް އިތުރުކުރަމުންނެވެ. އެއާއެކު ފައިސަލަށް ލިބެމުން ދިޔަ އުނދަގޫ ވަކީން ބޮޑުވާންފެށިއެވެ. އޭނާ މިހާރު ފާޑަކަށް ތުރުތުރުއަޅަމުން ދެއެވެ. ދާހިއްލާން ފަށައިފިއެވެ.

“ހުއްޓާލާށޭ! މި ފައިބާނީއޭ!” އެންމެފަހުން ފައިސަލް ގޮތް ދޫކޮށްފިއެވެ.

ފަރުހާދު ހަމަ އިވޭކަމަށް ވެސް ނުހަދައެވެ. ކިޔެވުން ކުރިއަށް ގެންދިޔައެވެ.

“ހުއްޓާލާށޭ! އަޑެއް ނީވޭތަ؟” ފައިސަލްގެ ކަރުބުޑުން ނިކުތް ބާރު އަޑުން ކޮޓަރިތެރެ ގުގުމައިގަތެވެ. އެއާއެކު ފަރުހާދުގެ ބޮލާދިމާއަށް ފައިސަލް ފުންމައިލިއެވެ. އެ ކަމަށް ސަމާލުނުވެ ހުރުމުގެ ސަބަބުން، ފައިސަލާއެކު ފަރުހާދު ވެއްޓި ޖެހިއްޖެއެވެ. އެ ވަގުތު އޭނާގެ އަތުގައި އޮތް ފޯނު ވެސް، ދުރަށް ވިއްސައިގެން ދިޔައެވެ. އެހެންނަމަވެސް ފޯނުގެ ލައިޓް ނުނިވޭތީ، ކޮޓަރިތެރެއަށް އަލި ފެތުރިފައި ހުއްޓެވެ.

ފަރުހާދު ވެއްޓުމާއެކު ވަގުތުން އޭނާގެ ގައިމައްޗަށް ފައިސަލް އެރިއެވެ. އެންމެ ސިކުންތެއް ވެސް ނުދީ، ފަރުހާދުގެ ކަރުގައި ދެ އަތުން ހިފިއެވެ. ފަރުހާދު ތެޅިގަތެވެ. ފައިސަލްގެ ކިބައިން ސަލާމަތްވެވޭތޯއެވެ. އެހެންނަމަވެސް އޭނާގެ ކަރަށް ވަނީ ވަރަށް ބޮޑަށް ބާރުކޮށްލާފައެވެ. ނޭވާލާން އުނަދަގޫވާ ވަރަށެވެ.

ހޮސްޕިޓަލުގައި ތިބި ވަސީމާއާއި ސާޖިދާއި ނިޔަމްގެ ލޮލުން ކަރުނަ އޮހެމުންދެއެވެ. އެ މީހުން ނޭވާ ހިފާއްޓާލައިގެން އެ ގޮތަށް ތިބޭތާ ފަނަރަވަރަކަށް މިނެޓް ވީއެވެ. ޑޮކްޓަރުންގެ މޫނުމަތިން އުއްމީދުގެ ކުލައެއް ނުފެނެއެވެ. އެހެނަސް މަސައްކަތް ހުއްޓައެއް ނުލައެވެ. މުނިޔާގެ ފުރާނަ ސަލާމަތްކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދެއެވެ.

“ސާޖިދު! އަޅެ ގޮސް ވާ ގޮތެއް ބަލައިލަބަލަ!” ވަސީމާ ދެ ލޯ ފޮހެލަމުން ބުންޏެވެ.

ސާޖިދު ކުރިއަށް ހިނގައިގަތެވެ. މުނިޔާގެ ހަށިގަނޑު ބާއްވާފައި އޮތް އެނދާ ދިމާއަށެވެ. އޭނާ ގޮސް އެ ތަނުގައި މަޑުކޮށްލިއެވެ. މީހަކު ނިކުމޭތޯއެވެ. އެ ގޮތުގައި އޭނާ ހުންނަތާ އިރުކޮޅެއްފަހުން، ނަރުހަކު ނިކުމެއްޖެއެވެ. ސާޖިދު އަވަސް އަވަހަށް އޭނާގެ ގާތަށް ޖެހިލިއެވެ.

“މުނިޔާގެ ހާލު ކިހިނެއްތޯ؟”

ސާޖިދުގެ އެ ސުވާލަށް އެއްވެސް ޖަވާބެއް ނަރުސް ނުދިނެވެ. އޭނާ އަވަސް ހަރަކާތާއެކު، އެ ދިޔަ ގޮތަށް ގޮސް، ކޮންމެވެސް އެއްޗެއް ހިފައިގެން އައިސް، އަނެއްކާވެސް ފަރުދާ އެއްފަރާތްކޮށްލާފައި އެތެރެއަށް ވަނެވެ. ސާޖިދުގެ ނާއުއްމީދަށް އިތުރު ކޮޅެއް އިތުރުކުރަމުންނެވެ. އޭނާއަށް ރޮވުނެވެ. ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުންނެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރިއެވެ. ދެ ލޯ ފޮހެލިއެވެ. ހިންދިރުވައިލިއެވެ. އެނބުރި ވަސީމާމެން ތިބި ތަނަށް އައެވެ.

“މަޑުމަޑުން ރަނގަޅުވަނީހެން ހީވަނީ.” ސާޖިދު ބޭނުންވީ ނިޔަމްއާއި ވަސީމާގެ ހިތަށް ހަމަޖެހުމެއް ހޯދައިދޭށެވެ.

“އަލްޙަމްދުލިﷲ!”

އެ ދެމައިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު މަންޒަރު މޫނުމަތިން ފެނުނެވެ. އެ ވަގުތު ސާޖިދުގެ ދެ ލޯ ފުރިގެން އައެވެ. އޭނާ އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރި ދެ ލޯ ފުހެލިއެވެ.

“ގޭތެރޭގެ ހާލެއް ބަލައިލިންތަ؟” ވަސީމާ އަހައިލިއެވެ. “ނިކަން އެ ސޮރަށް ގުޅައިލަބަލަ!”

ސާޖިދަށް އެ ފަދަ ހޭވެރިކަމެއް އައީ ވަސީމާ އެހެން ބުނުމުންނެވެ. އޭނާ ޖީބުގައި އޮތް ފޯނު ނެގިއެވެ. ފަސް ފަހަރު ސަލީމް ގުޅާފައި އޮތެވެ. ޖީބުގައި ފޯނު އޮތް އިރު ވެސް، އޭނާއަށް އެކަން ނޭނގުނެވެ. އެހެންނަމަވެސް އޭނާ ފުރަތަމަ ގުޅީ ފަރުހާދަށެވެ.

ފައިސަލްގެ ކިބައިން ސަލާމަތްވުމަށް ފަރުހާދު ތެޅިފޮޅެމުން ދެއެވެ. ފައިސަލް ބިރުވެރި އަޑަކުން ކުކުރާ ކަހަލަ އަޑެއް ލައްވަމުން ފަރުހާދުގެ ކަރަށް ބާރުކުރަމުން ގެންދިޔައެވެ. މިހާރު ފަރުހާދަކަށް ނޭވާއެއް ނުލެވެއެވެ. އަނގަ ހުޅުވި، ދޫ ނިކުންނާން ފަށައިފިއެވެ. ހަށިގަނޑުން ވަރު ހުސްވާން ފަށައިފިއެވެ. އަތުގައި އޮތް ރުމާލުގެ މަތިން އޭނާ ހަނދާންވީ އެ ވަގުތުއެވެ. އޭނާ ހަށިގަނޑަށް އިތުރު ބާރެއް ލެވޭތޯ މަސައްކަތް ކުރިއެވެ. އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ހިތްވަރުކުރާން ޖެހޭނެއެވެ.

ހަށިގަނޑުގައި ނެތް ހިތްވަރު ނެރެމުން، އަތުގައި އޮތް ރުމާލުން ފައިސަލްގެ މޫނުގައި ފަރުހާދު ޖެހިއެވެ. ލިބުނު ކުއްލި ސިހުމާއެކު ފައިސަލް ދުރަށް ވިއްސައިގެން ދިޔައެވެ. ފަރުހާދު ކޮށިއެރިއެވެ. ކެއްސާންފެށިއެވެ. އެހެންނަމަވެސް އޭނާއަށް ނޭވާލެވިއްޖެއެވެ.

ފަރުހާދު ބޭނުންވީ ތެދުވާށެވެ. ދިފާޢުގައި މަސައްކަތް ފަށާށެވެ. ނަމަވެސް އެހައި ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ކެއްސާވަރުންނެވެ. ނޭވާ ކުރުވެ، ހާސްވެ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކަރަށް ވެސް އިންތިހާއަށް ތަދުވެއެވެ. އޭނާ އެ އޮތްތަނުގައި ކެއްސަކެއްސާ އޮތެވެ. ކަރުގައި އަތް އަޅައިގެންނެވެ.

ދުރަށް ވިއްސައިގެން ގޮސްފައި އޮތް ފައިސަލް، ޖެހުނު ގޮތަށް ގުޑުމެއް ވެސް އަރުވާނުލައި އޮތެވެ. އިރުކޮޅަކުން ފެނުނީ، އޭނާގެ ހަށިގަނޑަށް ފާޑެއްގެ ބާރެއް އަރާންފެށިތަނެވެ. ކަރަށް ވާންވެ، އަތްފައި ބުޅިވެ، ދެ ލޯ ބޮޑުވެ ކަޅިވިދިއްޖެއެވެ. އަނގަ ތަންމިނަށް ހުޅުވިއްޖެއެވެ. އެއާއެކު އޭނާގެ ހަށިގަނޑު އިދިފުޅަށް ދަމައިގެންފިއެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރޭގައި، ފައިސަލަށް ވަމުން ދިޔަ ގޮތްތައް ފެންނަނީ ބިރުން ފިތްކެނޑޭ ފަދަ ގޮތަކަށެވެ.

މި ހާލެއްގައި ފައިސަލް އޮއްވާ، އޭނާގެ ދެ ކަންފަތުންނާއި އަނގައިންނާއި ނޭފަތުގެ ދެ ހިނދުރިން ދުންއަރާން ފަށައިފިއެވެ. ފުރަތަމަ ވަރަށް ކުޑަކޮށް ނިކުންނަންފެށި ދުންތައް، އިސާހިތަކު އޮލަޖެހިއްޖެއެވެ. ނިކުންނަމުން ދިޔަ ދުންތައް ކޮޓަރިތެރޭގައި ގުޅައަކަށް އެއްވަމުން ދެއެވެ. ދެންފެނުނީ އެ ދުންތައް ބިރުވެރި މަޚުލޫޤެއްގެ ސިފައަށް ބަދަލުވާންފެށިތަނެވެ. އެއާއެކު ކޮޓަރިތެރޭގައި ބިރުވެރި އަޑެއް ގުގުމާން ފެށިއެވެ. ގަދަ ވައިރޯޅިއެއް ކޮޓަރިތެރޭގައި އެނބުރިގަތެވެ.

ފަރުހާދު މިހާރު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެއެވެ. އޭނާ އިނީ ތެދުވެ އިށީނދެ، މި އާދަޔާޚިލާފު މަންޒަރުތައް ބަލާށެވެ. މި ވަނީ ކިހިނެއްކަން އޭނާއަށް އެނގެއެވެ. އެ މަޚުލޫޤު ދެން ދިމާކުރާނީ އޭނާއާއެވެ. އެހެންކަމުން އެ ވަރު ވިސްނައި، އޭނާ އައީ އެ ކަމަށް ތައްޔާރުވަމުންނެވެ. ހިތްވަރުކޮށްފައި ތެދުވެ، އަތުގައި އޮތް ރުމާ، މަތުރާލުމަށްފަހު، ކަރުގައި އައްސާލިއެވެ. އަދި ކަނާތް މުށްކަވާލަމުން، ބާރަށް ކިޔަވާންފެށިއެވެ.

ބިރުވެރި މަޚުލޫޤު ފަރުހާދާ ދިމާއަށް އަންނާންފެށިއެވެ. އޮލަ ދުންގަނޑެއްގެ ސިފައިފައެވެ. ފަރުހާދުގެ ކިޔެވުން ކުރިއަށްވުރެ ބާރުކޮށްލިއެވެ. އެހެންނަމަވެސް އެ މަޚުލޫޤަކަށް ބަދަލެއް ނާދެއެވެ. ހަރަކާތަކަށް މަޑުޖެހުމެއް ނާދެއެވެ. އެ އައިގޮތަށް އައިސް ފަރުހާދާ އަރައި ހަމަކޮށްފިއެވެ. ދުންގަނޑުގެ ތެރެއަށް ފަރުހާދު ވަދެ، ލޯމަތިން ގެއްލިއްޖެއެވެ. އޭރުވެސް ފަރުހާދުގެ ކިޔެވުމުގެ އަޑު ކޮޓަރީގައި ގުގުމާފައި ހުއްޓެވެ.

ކުއްލިއަކަށް އެ އޮލަ ދުންގަނޑު ހާވިޔާވެއްޖެއެވެ. ކޮޓަރިތެރޭގައި ވިހުރޭން ފަށައިފިއެވެ. ކޮޓަރިއަށް ވެރިވެފައި ހުރި ބިރުވެރި އަޑު މަޑުވެ، ވައިރޯޅި ހިނދިއްޖެއެވެ. ފަރުހާދަށް ބާރުލިބި، ރޫހާނީ މަޚުލޫޤު ބަލިވާން ފެށީއެވެ. އިރުކޮޅަކުން ފެނުނީ، ކޮޓަރީގެ ފެންލައިޓުން، ދުންތައް ނިކުމެގެން ދިޔަތަނެވެ. ރުވާފައި ދޫކޮށްލި ތީރެއް ފަދައިންނެވެ. އެ ވަގުތު ފަރުހާދު އަވަސްއަވަހަށް ދުއްވައިގަތީ، ވެއްޓިފައި އޮތް ފައިސަލާ ދިމާއަށެވެ.

“ފޯނެއް ނުނަގާ!” އެތައް ވަރަކަށް ގުޅައިގެން ވެސް ފަރުހާދު ފޯނު ނުނެގުމުން، ކަންބޮޑުވެފައި ހުރެ ސާޖިދު ގޮސް ވަސީމާގާތު އެ ވާހަކަ ބުންޏެވެ. އެހެންނަމަވެސް އެ ވާހަކައަށް ޖަވާބެއް ދެވޭވަރެއް ނުވިއެވެ. މުނިޔާ ގާތުގައި ހަރަކާތްތެރިވި ނަރުހަކު އައިސް އެ މީހުންގާތުގައި މަޑުކޮށްލިތަން ފެނިފައެވެ.

އެންމެންނަށް އެއް ފަހަރާ ނަރުހާ ދިމާއަށް ބަލައިލެވުނެވެ. ކެތްތެރިކަން ކުޑަވެފައި ތިބި ކަހަލަ ގޮތަކަށެވެ. ނަރުސްގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން، އެއްވެސް އެއްޗެއް ދޭހަކުރާކަށް އެ މީހުންނަކަށް ނޭނގުނެވެ.

“ކިހިނެއްތޯ މުނީގެ ހާލު؟” ސާޖިދަކަށް ނުހުރެވުނެވެ.

“އަލްޙަމްދުލިﷲ!”

ނަރުސްގެ ދުލުން ބޭރުވި، މި ބަރަކާތްތެރި ލަފުޒާއެކު، ލިބުނު އުފަލެއްގެ ބޮޑުކަމުން، ވަގުތުން އެންމެންނަށް ވެސް ރޮވިއްޖެއެވެ. ނިޔަމްއަށް ވަސީމާގެ ގައިގައި އޮޅުލައިގަނެވުނެވެ.

“އަލްޙަމްދުލިﷲ!” އެ މީހުންގެ ދުލުކުރީގައި ވެސް ތަކުރާރުވަމުން ދިޔައީ، ﷲ އަށް ކުރެވެމުން ދިޔަ ހަމްދުގެ ލަފުޒެވެ.

“ދަރިފުޅު ވެސް ރަނގަޅު ތޯ؟” ސާޖިދުގެ މި ސުވާލުގެ އަޑު ނަރުހަކަށް ނީވުނެވެ. ސާޖިދަށް ސުވާލުކުރެވުނީ އޭނާ ހިނގައިގަތް ފަހުންނެވެ.

ހިތާމައާއި ހިތްދަތިކަމުގެ މާ ކަނޑަކަށް ފެތިފައި ތިއްބާ، ނަރުސް ގެނެސްދިން އުފާވެރި ޚަބަރާއެކު، ހިތްހަމަޖެހުމުގެ އައްސޭރިއަކަށް އެ މީހުން ގެންގޮސްދީފިއެވެ. ހިތާމައިން ފޯވެފައިވާ މޫނުތަކުގައި އުފާވެރިކަމުގެ ކުލަތައް ޖައްސައިދީފިއެވެ. ކެތްތެރިކަމެއް ނެތި އެ މީހުން މިހާރު އިންތިޒާރުކުރަމުން އެ ދަނީ، މުނިޔާ ފެންނާނެ ވަގުތަކަށެވެ. އަނގައިން ބުނެލެވޭނެ އިރަކަށެވެ. ޚާއްޞަކޮށް ސާޖިދެވެ. އޭނާގެ ކެތްތެރިކަން ވަނީ ކޮޅުންލައިފައެވެ. އޭނާ ހުރީ، އެ ތަނުގައި ދެކޮޅަށް ހިނގަހިނގައެވެ.

ފަނަރަވަރަކަށް މިނެޓް ފަހުން، އޭނާގެ ޖީބުގައި ފޯނަށް، ކޯލެއް އަތުވެއްޖެއެވެ. އޭނާ ފޯނު ނަގައި ބަލައިލިއެވެ. ގުޅަނީ ފަރުހާދެވެ. ފަރުހާދާ ނުގުޅިގެން އޭނާ އުޅޭތާ އެތައް އިރެކެވެ. ގޭތެރޭގެ ހާލެއް ނޭނގިގެންނެވެ. ބައްޕަގެ ހާލު ހުރިގޮތެއް ސާފުކުރާށެވެ. އެހެންކަމުން އަވަސްއަވަހަށް އޭނާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“ހަލޯ! ފަރުހާދު! ހާދަ ވަރަކަށް ގުޅައިފީމޭ!”

“އަވަހަށް ގެއަށް އައިސްބަލަ!” ފަރުހާދުގެ އަޑުގައި ހުރީ، ކަންބޮޑުވުމާއި ހާސްކަމެވެ. ކަމެއް ވަރަށް ގޯސްވެއްޖެކަން ދެނެގަންނާކަށް، ސާޖިދަކަށް ދައްޗެއް ނުވިއެވެ.

“ކިހިނެއްވީ؟”

“ބައްޕަގެ ހާލު އެހައި ރަނގަޅެއް ނޫން! ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ގެންދާން އެބަ ޖެހޭ!”

“އޯކޭ! މި ދަނީ.” ސާޖިދު ފޯނު ކުރުކޮށްލާފައި، އަވަހަށް ގެއާދިމާއަށް މިސްރާބުޖެހިއެވެ. ވަސީމާ ގާތުގައި ބުނެފައެވެ.

ފައިސަލް ހޮސްޕިޓަލަށް ގެނެވުނު އިރު، އޭނާގެ ހާލަތު ވަނީ ވަރަށް ދަށްވެފައެވެ. ހަށިގަނޑަކު އެއްވެސް ވަރެއް ނެތެވެ. އޮކްސިޖަން ލެވެލް ވެސް ހުރީ ހުންނާންވާ ވަރަށް ވުރެ ދަށްކޮށެވެ. ނޭވާލާން ވަނީ އިންތިހާއަށް ދަތިވެފައެވެ. ހަށިގަނޑުގެ އެތައް ތަންނެއް ނޫފައިގެންފައި ހުއްޓެވެ. ދުޅަވެ އަރާފައި ހުރި ތަންތަން ވެސް ހުއްޓެވެ. އެހެންކަމުން ލަސްނުކޮށް ފައިސަލް ވެއްދީ އައިސީޔޫއަށެވެ.

ފައިސަލަށް ވެފައި ހުރި ގޮތްތައް ފެނިފައި، ޑޮކްޓަރުންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެ ސުވާލުތައް ކުރިމަތިވުމުން، ކަން ވީ ގޮތް ކިޔައިދިނީ ފަރުހާދެވެ. އަނިޔާ ލިބުނު ސަބަބާއި، ހާލު ދެރަވި ސަބަބެވެ.

ފައިސަލްގެ ހާލު ކުއްލިއަކަށް ގޯސްވީ، އޭނާ ހޭއަރައި ކުރަންފެށި ސުވާލުތަކަށް، ފަރުހާދު ކުރު ގޮތަކަށް ނަމަވެސް ޖަވާބު ދިނުމުންނެވެ. ދެ ކުދިން ހޮސްޕިޓަލަށް ގެންދިޔަ ވާހަކައާއި އެއް ކުއްޖަކު މަރުނުވާކަމެއް ވެސް ނޭނގޭ ވާހަކަ ބުނުމުން، ކީއްވެގެންތޯ ތަކުރާރުކޮށް އަހަންފެށިއެވެ. އެންމެ ފަހުން ފަރުހާދަށް މަޖުބޫރުވީ، ސަބަބު ވެސް ބުނާށެވެ. އެ ކުދިންނަށް އޭނާގެ ސަބަބުން ލިބުނު އަނިޔާގެ ވާހަކަ ބުނާށެވެ. އެ ވާހަކަ ބުނުމާއެކު، އަޑުން އަޑުނަގައި ފައިސަލް ރޯންފެށިއެވެ. އިރުކޮޅަކުން ނޭވާ ލާން އުނދަގޫވެގެން، ތެޅިފޮޅޭން ފެށީއެވެ. ފަރުހާދު ބިރުގަތީ އެހައި ހިސާބުންނެވެ.

އެ ވާހަކަތައް އިވޭ ފަށުގައި ހުރި ސާޖިދަށް ހުރެވުނީ، ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުހަނު އުފަލުގައި، ހަމަޖެހިގެން އުޅުނު ޢާއިލާއަކަށް، ކުރިމަތިވަމުން މި ދަނީ ހާދަހައި ބޮޑެތި ހިތާމަތަކެކެވެ.

“ހިތް ބުނަނީ އަދި މި ސަލާމަތްވީއެއް ނޫނޭ! މިއީ ބަދަލު ހިފުމެއް!” ސާޖިދު ގޮވައިގެން އެއްފަރާތަށް ޖެހިލަމުން ފަރުހާދު ބުންޏެވެ.

“ކޮންކަމަކާތަ ބަދަލު ހިފަންވީ؟” ސާޖިދަކަށް ނުވިސްނުނެވެ.

“ތިޔެއް އަދި ނޭނގެ!”

“އެހެންވީމާ އަދި ހަމަޖެހުމެއް ނެތް ދޯ!” ސާޖިދަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

“ނޫނޭ! އިންޝާﷲ! ދެން އެ އެއްޗަކަށް ގެއަކަށް ނުވަދެވޭނެ!”

“އެކަމަކު ބޭރުތެރެއިން ދިމާކޮށްފާނެ ދޯ!” ސާޖިދު ހުރީ ފިނިވާގޮތްވެފައެވެ.

“ތި ކަމަށް ވެސް ޖެހޭނީ ކަމެއްކުރަން! އިރާދަކުރެއްވިއްޔާ ސަލާމަތްވާނެ! އުއްމީދު ކުޑަކޮށްގެން ނުވާނެ!” ސާޖިދުގެ ކޮނޑުމަތީގައި ފަރުހާދު އަތް ބާއްވާލިއެވެ.

“އެ ތަނުގައި އޮއްވާ ވެސް، ބައްޕަގެ ހަށިގަނޑަކަށް އެ އެތި ވަދެދާނެތަ؟” ސާޖިދަށް އަހައިލެވުނެވެ.

“ދެން ނުވަދެވޭނެ! ދެން ބައްޕައަކާ އެ އެއްޗަކަށް ކައިރިއެއް ނުވެވޭނެ!” ޔަޤީންކަމާއެކު ފަރުހާދު ބުންޏެވެ.

މުނިޔާއާ ބައްދަލުކުރުމުގެ ފުރުސަތު އާއިލާއަށް ލިބުނީ، އެ ރޭ މެންދަމުން އަލިވެ ތިނެއް ވެސް ޖެހިފަހުންނެވެ. އޭރު އެ ތަނުގައި ހުރީ ސާޖިދު އެކަންޏެވެ. ވަސީމާއާއި ނިޔަމް ތިބީ އައިސީޔޫ ކައިރީގައެވެ. ލިބުނު އުފާވެރި ޚަބަރާއެކު ސާޖިދު އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އޭރު ކެތްތެރިކަން ކޮޅުންލާފައި އޮތް އޭނާގެ ހިތް ތެޅިފޮޅެމުން ދެއެވެ.

މުނިޔާ ފެނުމާއެކު ސާޖިދުގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. މުނިޔާ އޮތް ހާލު ފެނިފައެވެ. އޭނާގެ އަތަށް ވަނީ އައިވީ ގުޅާފައެވެ. ސާޖިދަށް ބަލާން ހުރެވުނީ، މުނިޔާގެ މެރިފައިވާ ދެ ލޮލަށެވެ. އިރުކޮޅަކުން ފެނުނީ ސާޖިދުގެ ދެ ލޮލުން ކަރުނަ އޮހިގަތްތަނެވެ. ހިތަށް އަރައި ފައިބައިގަތް އެއްޗެހިތަކެއްގެ ގިނަކަމުން، ދެ ލޮލަށް ކެތްނުވީއެވެ. ކަރުނަތައް ނުހިފެހެއްޓުނީއެވެ. އޭނާ ބޭނުންވަނީ މުނިޔާގެ ގައިގައި މަޑުމަޑުން ބައްދައިލާށެވެ. މޫނުގައި ބޮސްދޭށެވެ. ހަށިގަނޑުގައި ފިރުމާށެވެ. މި ދިޔަ ދުވަސްތަކުގައި އެ ފަކީރު އެ އުފުލި ހިތާމައާއި ވޭނަށް، ލުއިކަން ލިބޭންދެން އެ ގޮތުގައި އިންނާށެވެ.

ސާޖިދު މަޑުމަޑުން ގޮސް މުނިޔާގެ ގާތުގައި ހުއްޓި، އަތުގައި އަތް ޖައްސާލިއެވެ. އެ ވަގުތު ވަރުދެރަ ގޮތަކަށް މުނިޔާ ލޯ ހުޅުވާލިއެވެ. ސާޖިދުގެ މޫނު ފެނުމާއެކު، މުނިޔާއަށް ސިހުން ލިބުނުކަން އެނގުނެވެ. ލޯ މަރައިލުމަށްފަހު، ދެވަނަ ފަހަރަށް ހުޅުވައި ބަލައިލިއެވެ. ފެންނަ މަންޒަރު ގަބޫލު ނުކުރެވިގެން ބަލައިލާ ކަހަލަ ގޮތަކަށެވެ.

“މުނީ! މީ ސާޖީއޭ!” ސާޖިދުގެ ތުރުތުރުއަޅާ އަޑު، މުނިޔާގެ ކަންފަތުގައި ޖެހުމާއެކު، އޭނާގެ ތުންފަތް ތުރުތުރުއަޅައިގަތެވެ. ދެ ލޮލުން ކަރުނަތައް އޮހިގަތެވެ. އިސާހިތަކު ރޮވިއްޖެއެވެ. ސާޖިދު އަވަސްއަވަހަށް މުނިޔާގެ ގާތުގައި އިށީނދެ، މުނިޔާގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ސާޖިދު ބޭނުންވީ މުނިޔާ ގާތުގައި ދެން ނުރޯށޭ ބުނާށެވެ. އެހެންނަމަވެސް އެ ޖުމުލައަކަށް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އަޑު ތަބަޢެއް ނުވިއެވެ. އޭނާއަށް ކެރެވުނުހައި ވެސް ކަމަކީ ބޯ ހަލުވައިލުމެވެ. އެއާއެކު ދެ ލޮލުން ކަރުނަ ފައިބައިގަތެވެ.

މުނިޔާ ބޭނުންވީ ތެދުވާށެވެ. ސާޖިދުގެ ގައިގައި ލެނގިލާށެވެ. ކޮނޑުގައި ބޯ އަޅައިލާށެވެ. އެ ހަށިގަނޑުގެ ހޫނުކަމުން ހައްޓަށް ދިރުމެއް ހޯދައިދޭށެވެ. އެހެންނަމަވެސް އެ ފަދަ ހިތްވަރެއް، ހަކަތައެއް އޭނާގެ ހަށިގަނޑަކު މި ވަގުތަކު ނެތެވެ. އެއަށްވުރެ ހަށިގަނޑުގެ ވޭން ބޮޑެވެ. މޭގެ ރިހުން ގަދައެވެ.

ސާޖިދު އިނީ މުނިޔާގެ ގައިގައި ފިރުމައިލަ ފިރުމައިލައެވެ. އިރުއިރުކޮޅުން މުނިޔާގެ އަތަށް ނޫނީ ނިތްކުރިއަށް ނޫނީ ކޮލަށް ބޮސްދެއެވެ. އެންމެ ސިކުންތަކަށް ވެސް، މުނިޔާގެ މޫނުން ނުވަތަ ހަށިގަނޑުން ނަޒަރު ކަސިޔާރުކޮށްނުލައެވެ. ފައިސާގެ ދަހިވެތިކަމުން ފުރިފައިވާ މީހެއްގެ އަތް މައްޗަށް، އަގު ބޮޑު ޖަވާހިރެއް އެރުމުން ވެސް، އުޅޭނީ މި ފަދަ ގޮތަކަށެވެ. އާއެކެވެ. ސާޖިދުގެ ކުރިމަތީގައި މުނިޔާއަކީ، އަގު ބޮޑު ޖަވާހިރެކެވެ. އެއީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. އޭނާއަށް ލިބޭން އުޅޭ އަލަތު ދަރިފުޅުގެ މަންމައެވެ.

ދެމަފިރިންގެ ދެ މެދުގައި މާ ބޮޑު ވާހަކައެއް މިހާރަކު ނެތެވެ. އެހެންނަމަވެސް ސާޖިދުގެ ހިތުގައި އޮތް، ޖަވާބު ނުލިބުނު ސުވާލުގެ ޖަވާބު، މިހާރު އޭނާއަށް ވަނީ ލިބިފައެވެ. މުނިޔާގެ ފަރާތުންނެވެ. އެ ވާހަކަ އަޑުއަހާފައި ސާޖިދު ރުޔެވެ. އިންތިހާއަށް ލަދު ވެސް ގަތެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ ކުށެއް މި ކަމުގައި ނެތްކަން އޭނާ ގަބޫލުކުރިއެވެ. މައެއްގެ ޙައިޞިއްޔަތުން، ވަސީމާއަށް އެ ފިޔަވަޅު އަޅާން މަޖުބޫރުވާނެކަން އޭނާ ގަބޫލުކުރިއެވެ.

މުނިޔާއާ މިހާރު ބައްދަލުވެވޭކަން ވަސީމާއަށް އެނގުނީ ނަރުހެއްގެ ފަރާތުންނެވެ. އެކަން އެނގުމާއެކު އެންމެ ސިކުންތަކަށް ވެސް އޭނާއަކަށް ނީނދެވުނެވެ. އައިސީޔޫ ކައިރީގައި ނިޔަމް ބައިންދާފައި އޭނާ ހިނގައިގަތެވެ. ދުއްވައިގަތީއޭ ބުންޏަސް ރަނގަޅުވާނެއެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް، މުނިޔާ ބާއްވާފައި އޮތް ތަނަށް ވަނެވެ.

އެ ތަނަށް ވަނުމާއެކު ފެނުނު މަންޒަރުން ވަސީމާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެނާއަށް ފެނުނީ އޯގާވެރި ފިރިއެއްގެ ފުށުން އަނތްބަކަށް ލިބެމުން އަންނަ ލޯތްބެވެ. އަޅާލުމެވެ. އެހީތެރިކަމެވެ. ސާޖިދަކީ ކޮންފަދަ ރަނގަޅު މީހެއް ހެއްޔެވެ؟ އެ ފަދަ ފިރިއަކު މުނިޔާއަށް ލިބިދާނެ ބާވައެވެ؟

ވަސީމާއަށް ހުއްޓުން އަރާފައި ހުރެވުނެވެ. ސާޖިދު އުޅެމުން ދާ ގޮތަކަށް ބަލާށެވެ. އެހެން ހުރިއިރު އޭނާގެ ސިކުނޑީގައި އެނބުރޭން ފެށީ، ސާޖިދާ މެދު އޭނާއަށް ކަންތައް ކުރެވުނު އިހާނެތި ގޮތްތަކެވެ. ކިޔުނު އެއްޗިއްސެވެ. ލެވުނު ހަޅޭކެވެ. ދެވުނު އަނިޔާއެވެ. ހިތުގައި ޖެއްސުނު ވަރެވެ. އޭނާގެ އެއްވެސް ކުށެއް ނެތިއެވެ.

ވަސީމާގެ ދެ ލޮލަށް ޖަމާވަމުން އައި ކަރުނަތައް، އިސާހިތަކު ދެ ލޯ ފުރިގެން ބަންޑުންވެއްޖެއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެއާއެކު ރޮވިއްޖެއެވެ. ސާޖިދަށް އެނބުރި ބަލައިލެވުނެވެ. އޭރު ވަސީމާ އައިސް ސާޖިދާ އަރައި ހަމަވަނީއެވެ. އޭނާ ރޮމުންރޮމުން އައިސް ސާޖިދުގެ ގައިގައި ބައްދާލިއެވެ.

“މަންމައަށް މާފުކުރޭ ދަރިފުޅާ!” ވަސީމާއަކަށް އިތުރަށް އެންމެ ލަފުޒެއް ވެސް ނުބުނެވުނެވެ.

ވީ ކީއްކަން ސާޖިދަށް އެނގުނެވެ. ވަސީމާ ރޯންފެށުމުން ސާޖިދަށް ވެސް ރޮވިއްޖެއެވެ. އޭނާ ވަރަށް ހިތްވަރުކޮށްފައި އެއްޗެއް ބުނެވޭތޯ މަސައްކަތްކުރިއެވެ.

“މަންމައާ މެދު އަހަރެންގެ ހިތް ސާފު…. މަންމާ!” ސާޖިދުގެ ތުރުތުރު އަޅަމުން ދިޔަ އަޑު އިވިފައި ވަސީމާއަށް ކުރި އަސަރު ވަކީން ބޮޑުވިއެވެ. ސާޖިދުގެ އަގު އޭނާގެ ކުރިމަތީގައި އެތައް ގުނައަކަށް އުފުލުނެވެ.

ސާޖިދުގެ ކޮނޑުމަތިން ބޯ އުފުލައިލައި މުނިޔާއާ ދިމާއަށް ވަސީމާ ބަލައިލިއެވެ. އޭރު މުނިޔާގެ ދެ ލޮލުން ވެސް އޮހެމުން ދަނީ ކަރުނައެވެ.

“ބައްޕަގެ ހާލު މިހާރު ކިހިނެއް؟”

“ވަކި ރަނގަޅެއް ނޫން!” މުނިޔާ ގާތުގައި ވަސިމާ އިށީނދެ ބޮލުގައި ފިރުމައިލިއެވެ. “ދަރިފުޅާ! ދުވަހެއްގެ ކޮޅުން ވެސް ދަރިފުޅު ސާޖިދާ ވަކިނުވާތި! މި ކަހަލަ ފިރިއަކު ދުވަހަކު ވެސް ދަރިފުޅަކަށް ނުލިބޭނެ!” ވަސީމާގެ އަޑު އަދިވެސް ތުރުތުރު އަޅައެވެ.

މުނިޔާ ގާތު އިރުކޮޅަކު މަޑުކޮށްފައި، ސާޖިދު ދިޔައީ އައިސީޔޫ ކައިރިއަށެވެ. ނިޔަމް ފޮނުވާށެވެ. ނިޔަމް ވެސް މިހާރު އިންނާނީ ދޮންތައާ ބައްދަލުވާހިތުން ކެތް މަދުވެފައެވެ. އަސްލެއް ހަގީގަތެއް ނެތި، އާއިލާގެ ތެރޭގައި ފެތުރު އަޑާމެދު ވިސްނާކަށް، އަދި އެކަން އެނގޭކަމަށް ހަދާކަށް ވެސް ސާޖިދު ބޭނުމެއް ނުވެއެވެ. ނިޔަމްއަކީ އޭނާގެ ކޮއްކޮއެކެވެ. ލޯބިވާ ނިޔޫއެވެ.

ގަޑިން ފަތިހު ފަސްގަޑި ބައިވަނީއެވެ. ސާޖިދު އިނީ އައިސީޔޫ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. ކަންކަން މަޑުމަޑުން ހަމައަކަށް އެޅެމުން އަންނާތީ، އޭނާގެ ސިކުނޑިއަށް އަންނަނީ ލުއިކަން ލިބެމުންނެވެ. ނިދީގެ ދީލަތި އެހީތެރިކަން ލިބެމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި ވަގުތު  އޭނާ އިނީ ލޯމެރިފައެވެ. ނިދިޖެހިފައެވެ. އެހެން އިންދާ އޭނާއަށް ސިހިފައި ހޭލެވުނީ، ފޯނު ރިންގުވާން ފެށުމުންނެވެ. އޭނާ އަވަސް އަވަހަށް ޖީބުން ފޯނު ނެގިއެވެ. ގުޅަނީ ނިޔަމްއެވެ.

“ކީކޭ ނިޔޫ؟” ނިދީގެ ބަރުކަން ސާޖިދުގެ އަޑުގައި ހުރީ ހިފާފައެވެ.

“ދޮންތަގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސަން ފަށައިފި. އަވަހަށް އައިސްބަލަ!”

“ވަރަށް ބޮޑަށް؟” ނިޔަމްގެ ޖުމުލައާއެކު ސާޖިދުގެ ނިދި ފިލިއެވެ.

“އާނ! ވަރަށް ބޮޑަށް. ދޮންތައަށް ރޮވެނީ.”

ސާޖިދަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މީހެއް ގާތު ނުބުންޏަސް، ފާޅުނުކުރިޔަސް، މި ދިމާވި ކަންތައްގަނޑުގައި، މުނިޔާއަށް ދެރަގޮތެއް ވެދާނެތީ ކަންބޮޑުވި މިންވަރަށް، އޭނާގެ ބަނޑުގައި ގަރުބަގެންފައިވާ ދަރިފުޅާމެދު ވެސް ސާޖިދު ކަންބޮޑުވިއެވެ. އެ ކުއްޖާއަށް ކަމެއް ވެދާނެތީއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ދެ ފަޔަށް ބާރުލާފައި އޭނާއަށް ހިނގައިގަނެވުނެވެ. މުނިޔާ ގާތަށް ދިޔުމަށެވެ.

ސާޖިދަށް އެ ތަނަށް ދެވުނުއިރު، މުނިޔާގެ ގާތުގައި ޑޮކްޓަރުން ހަރަކާތްތެރިވާން ފަށައިފިއެވެ. ވަސީމާއާއި ނިޔަމްގެ މޫނުމަތިން ފެންނާން ހުރީ، ކަންބޮޑުވުމާއި ހާސްކަމެވެ. ދެ ލޮލުގައި ކަރުނައެވެ.

“ކިހިނެއްވީ؟” އެ ދެ މައިން ތިބި ގޮތް ފެނިފައި، ސާޖިދުގެ ހާސްކަން ވަކިން ބޮޑުވިއެވެ.

“މާ ބޮޑަށް ބްލީޑްވަނީ.” ނިޔަމްގެ ދެ ލޯ ފެންކަޅިވިއެވެ. ސާޖިދާ ހަތަރު ކަޅި ހަމަކޮށްލަމުން ވަސީމާ ބޯ ޖަހައިލިއެވެ. ހިންދިރުވައިލިއެވެ.

މުނިޔާ ބަނޑުބޮޑުކަން ނިޔަމްއަށް އެނގުނީ ދާދި ދެންމެއަކުއެވެ. މަންމަ ބުނުމުންނެވެ. އެކަން އެނގުމުން، އޭނާ އުފަލުން ފުރުނެވެ. މުނިޔާގެ ގައިގައި ބައްދާލައި، ތަހުނިޔާކީ އިރު، ދެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. ދެ ލޮލުން ކަރުނައިގެ މުތީތައް ވިދާންފެށިއެވެ. އެހެންނަމަވެސް މިހާރު އެ މުތީތަކުގެ ވިދުން ކެނޑިއްޖެއެވެ. އޭގެ ބަދަލުގައި އެ ދެ ލޮލަށް އަނިޔާދެމުން ގެންދާތަން ފެންނަނީ ހިތި ކަރުނައިގެ ކޯރެކެވެ.

ސާޖިދު އަވަސްއަވަހަށް މުނިޔާގެ ގާތަށް ޖެހިލިއެވެ. އޭރު މުނިޔާ އުޅެނީ ބަނޑުގައި އަޅާ ވޭނަށް ކެތްނުކުރެވިގެންނެވެ. ސާޖިދު ގޮސް މުނިޔާގެ އަތުގައި ހިފަހައްޓައިލިއެވެ. އެ އަތް ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ނިތްމަތިން އުފުލެމުން ދިޔަ ދާތިކިތައް ފޮހެލައިދިނެވެ.

“ޑޮކްޓަރ! ކިހިނެއްތޯ މި ވަނީ؟”

ޑޮކްޓަރުގެ ކިބައިން އުއްމީދުގެ ބަހެއް ވެސް، ނާއުއްމީދުގެ ބަހެއް ވެސް، ސާޖިދަކަށް ނުލިބުނެވެ. ޑޮކްޓަރުންގެ ލަފައަކަށްވީ، ވީ އެންމެ އަވަހަށް އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔުމެވެ. ލޭ ހޯދަން ވެސް އެންގިއެވެ. ސާޖިދުގެ އުއްމީދުގެ ހުޅުކޮޅު ކަނިލަމުން ގޮސް، އެއްކޮށް ނިވިއްޖެއެވެ.

ޖެހިގެން އައި ދުވަހުގެ އިރު ދަމަކަށް އެރިއިރު، ސާޖިދާއި އާއިލާގެ އެންމެންނަށް ލިބުނީ، ހިތި ހަބަރަށްވުރެ ވެސް ހިތި ޚަބަރެކެވެ. ކިތަންމެ ހިތް ނޭދުނަސް، އެ އަޑު ސާޖިދާ ހަމައަށް އަތުވެއްޖެއެވެ. ބޮމެއް ފަދައިން ގޮވައިފިއެވެ. ކަންފަތުގެ ތެރޭގައެވެ. އޭނާ ހިތްވަރުކުރިއެވެ. އެހެންނަމަވެސް ދެ ލޮލުން ކަރުނަ އޮހުނެވެ. ދަރިފުޅު ދުނިޔެއަށް އަންނަކަން އެނގުމުން، އެކަމުގެ އުފަލުގައި ކަމެއް ނުކުރެވި އުޅެނިކޮށް، މި ޖެހުނީ ވަކިވެ ދިޔުމުގެ ހިތާމައާ ކުރިމަތިލާށެވެ. އިރާދަކުރެއްވީތީ، މުނިޔާގެ ހާލު ރަނގަޅެވެ. ލޭ އަޅާކަށް ވެސް ނުޖެހުނެވެ.

ލިބުނު ހިތްދަތި ޚަބަރާއެކު، ވަސީމާގެ ހިތަށް ލިބުނު އަނިޔާ ވަކީން ބޮޑުވިއެވެ. އޭނާގެ ސިކުނޑި ކާންފެށީ، ވެރިވެގަތް ހަނދާންތަކެކެވެ. މިއަދު އޭނާގެ ހިތަށް ދަތިކަން ލިބެމުން އެ އަންނަ ކަމަކީ، އޭނާ ކުރިން ވަރަށް ބޭނުންވެގެން އުޅުނު ކަމެކެވެ. އެ ކަން ކުރުމަށް ނުހަނު ބާރުއެޅި ކަމެއް ވެސް މެއެވެ.

ވަސީމާގެ ހަވަނަ ހިއްސު، އޭނާއަށް މަލާމާތްކުރަމުން ގެންދާ ކަހަލައެވެ. ކަންފަތް ބުޑުގައި ބުނާހެން ހީވެއެވެ. ކޮން ރުއިމެއް ރޯކަށް ހެއްޔެވެ؟ އެއީ ކަލޭ ރޯންޖެހޭވަރުގެ ކަމެއް ނޫނެވެ. އެ ކަމާ ކަލޭ ކުރާންވީ އުފަލެވެ. ސާޖިދަށް ބައްޕަ ކިޔާ ކުއްޖަކު ލައްވާ، ކަލެއަށް މާމަ ކިޔުއްވާކަށް، ކަލޭ ބޭނުމެއް ނުވާނެއެވެ.

ވަސީމާއަށް ދެ ކަންފަތް މަތީގައި އަތް އެޅުނެވެ. ރުއިމުގެ އަޑު ކުއްލިއަކަށް ބާރުވިއެވެ. މަންމައަށް ލިބެމުން ދިޔަ ހިތާމަ  ފެނިފައި، ނިޔަމް ގޮސް މަންމަގެ ބުރަކަށީގައި ފިރުމައިލިއެވެ. ހިތްވަރުކުރާށޭ ބުނާން ބޭނުންވިޔަސް، އަޑު ބޭރެއް ނުވިއެވެ. ސާޖިދު ގޮސް ވަސީމާއަށް ހިތްވަރުދޭން ފެށިއެވެ. ސާޖިދުގެ އޯގާވެރި ބަސްތައް އިވޭންފެށުމާއެކު، ވަސީމާގެ ހިތަށް ކުރި އަސަރު ވަކީން ބޮޑުވިއެވެ.

މުނިޔާ ހޮސްޕިޓަލުން ދޫކޮށްލީ، ދެ ދުވަސް ފަހުންނެވެ. އޭރު ވެސް ފައިސަލް ދޫކޮށްނުލައެވެ. އެހެންނަމަވެސް މިހާރު ފައިސަލްގެ ހާލު ރަނގަޅެވެ. ވޯޑަށް ބަދަލު ވެސް ކޮށްފިއެވެ.

ހޮސްޕިޓަލަށް ގެނައި ދުވަހުން ފެށިގެން، ފައިސަލް އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އެކަކާ ވެސް ހަތަރުކަޅި ހަމައެއް ނުކުރެއެވެ. އަބަދު ކަހަލަ ގޮތަކަށް އޮންނަނީ، ލޯ މަރައިގެންނެވެ. އިރުއިރުކޮޅުން ދެ ލޮލުން ކަރުނަ ހިލެއެވެ. އޭނާގެ ސަބަބުން ދަރީންނަށް، ޚާއްޞަކޮށް މުނިޔާއަށް ލިބުނު އަނިޔާއާއި ހިތްދަތިކަން، އޭނާގެ ހިތަށާއި ނަފުސަށް އަނިޔާ ދެނީ ބާވައެވެ؟

ޖެހިގެން އައި ދުވަހު ފައިސަލް ގެއަށް ދޫކޮށްލިއެވެ. އޭރު ފަރުހާދުގެ މަސައްކަތުން، ގެއާއި އެ އާއިލާ ވަނީ، ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީފައެވެ. އެހެންކަމުން އެ އާއިލާއަށް މިހާރު ވަނީ ހަމަޖެހުން ލިބިފައެވެ. ހިތުގައި އުފެދުނު ނުތަނަވަސްކަމާއި ބިރުވެރިކަން ފިލައިފައެވެ. އެކަކު އަނެކަކާމެދު ގެންގުޅެވުނު ނޭއްގާނީ ޚިޔާލުތަކުން ހިތްތައް ވަނީ ސާފުވެ، ހަމަޖެހިފައެވެ.

މި ޚަބަރު މާލޭގައި ކޮންމެވެސް ވަރަކަށް އެނބުރުނެވެ. ފިރިހެނަކާ ޖިންނިއެއް އަވަލައިގެން އޭނާގެ ކިބައިން ބަދަލުހިފީއޭ ކިޔައިގެންނެވެ. އެ ކަމުގެ މައުލޫމާތު ހޯދަން، ދެ ނޫހަކުން ސާޖިދަށް ގުޅިއެވެ. އެ މީހުން ބޭނުންވަނީ، އެ ވާހަކަ ނޫހުގައި ޖަހާށެވެ. ޙަޤީޤީ ހާދިސާއެއްގެ ގޮތުގައި ލިޔެގެން ނޫސް ހިންގާށެވެ. އެހެންނަމަވެސް އެއިން އެއްވެސް ނޫހަކަށް، އެއްވެސް މައުލޫމާތެއް ސާޖިދު ނުދިނެވެ. ޢާއިލާއިން އެކަން ކުރަން ބޭނުން ނުވީމައެވެ.

ގޭތެރޭގެ ކަންކަން ހަމަޖެހުނަސް، ވަސީމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ހިތަށް އުނދަގޫވަނީއެވެ. ރޫޙާނީ މަޚުލޫޤެއް ފައިސަލާ އަޅައިގަނެގެން، މުޅި އާއިލާ އަނދިރި ވަޅުގަނޑަކަށް ވައްޓާލީ، ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ފައިސަލް ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ ކޮން ފާފައަކަށް އަރައިގަނެގެން ހެއްޔެވެ؟ އެ ވާހަކަ އަދި ވެސް ފައިސަލް ކިޔައެއް ނުދެއެވެ. އެކަން އެނގެން ވަސީމާ ބޭނުންވެއެވެ. އޭނާގެ ހިތް ބުނަނީ، މިހާރު ފައިސަލް އަނގައިން ނުބުނެ އެ އިންނަނީ، އެ ވާހަކަ ދައްކާން ޖެހިދާނެތީ ކަމަށެވެ.

ވަސީމާ ހުރީ ބަދިގޭގައެވެ. އޭނާގެ ސިކުނޑީގައި، މި ކަންތައްގަނޑުގެ އުނދަގޫ ބޮޑުވަމުން ގޮސް، ކެތްނުކުރެވޭ ވަރަށް ބޮޑުވެއްޖެއެވެ. އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

ވަސީމާ ގޮސް ކޮޓަރިއަށް ވަންއިރު، ފައިސަލް އެނދުގައި އޮތެވެ. ބިތްދޮށަށް އެނބުރިއެވެ. ވަސީމާ ގޮސް ކައިރިއަށް ހުއްޓި ކޮއްޓައިލިއެވެ. ދެފަހަރަކު ކޮއްޓާލުމުން، އެނބުރި ވަސީމާއާ ދިމާއަށް ބަލައިލިއެވެ.

“އަހަރެން ބޭނުން ފައިސަލް ކޮށްގެން ތި އުޅޭ ކަމެއް އެނގެން.”

ވަސީމާގެ މި ޖުމުލައާއެކު، ފައިސަލްގެ ކަޅި ވަސީމާގެ މޫނަށް ހުއްޓުނެވެ. އޭނާ ބަހަކުން ބަހެއް ނުބުނެ، ބަލަހައްޓައިގެން އޮތެވެ. ވަސީމާގެ ސުވާލު ތަކުރާރުވާންފެށުމާއެކެ، ތުންފަތް ތުރުތުރުއަޅާން ފެށިއެވެ. ދެ ލޮލުން އޮހިގަތީ ކަރުނައެވެ.

“ތި ކަރުނައިން އަހަރެންގެ ހިތެއް މަޑެއް ނުވާނެ! ތައްބައްދައިގެން ތި އޮންނަނީ، އެ ވާހަކަ ކިޔައިދޭން ޖެހިދާނެތީއެއްނު!”

އެ ވަގުތު އިވުނީ، ކޮޓަރީ ދޮރުފަތުގައި މީހަކު ޓަކިޖަހާލި އަޑެވެ.

“މަންމާ!” މުނިޔާ ގޮވާލި އަޑު އިވުނެވެ.

އިރުކޮޅަކު ހުރެފައި، ވަސީމާ ގޮސް ދޮރުހުޅުވިއެވެ. ފެނުނީ ފުލުހުންގެ ތިން މީހަކު ދޮރުމަތީގައި ހުއްޓައެވެ. އެ މީހުން ފެނުމާއެކު، ވަސީމާ ސިހުނެވެ. ކިހިނެއްވީތޯ އަހައިލެވުނެވެ. އެ ވަގުތު ފުލުހުން ދައްކާލީ ކޯޓް އަމުރެވެ. ވަސީމާގެ ދެ ލޯ ބޮޑުވިއެވެ. ބަސް ހުއްޓުނެވެ. އެއް ފަހަރު ކޯޓު އަމުރަށް، އަނެއް ފަހަރު ފައިސަލާ ދިމާއަށް ބަލައިލެވުނެވެ. އެއާއެކު ދެ ލޮލުން ކަރުނަ އޮހިގަތެވެ.

ފައިސަލް ހައްޔަރުކޮށްގެން ގެންގޮސްފިއެވެ. ގޭތެރެއަށް ހިތާމައާއި ކަރުނައިގެ އޮއިވަރެއް ފެތުރުނެވެ. ފޮރުވިފައިވާ ޙަޤީޤަތް އާއިލާއަށް އެނގިއްޖެއެވެ. ފާފަތައް ކުރަމުން ގޮސް، އެންމެ ބޮޑެތި ފާފަތަކަށް ވެސް ފައިސަލް އަރައިގަތީއެވެ.

އަފާގެ މަރުގެ ގާތިލަކީ، ފައިސަލްކަން ސާބިތުވާ ވަރަށް، ފުލުހުންނަށް ވަނީ ހެކި ލިބިފައެވެ. ފޮރެންސިކް ހެއްކެވެ. ސީސީޓީވީ ފްޓޭޖްތަކެވެ. އެ ފްޓޭޖްތަކުން މިހާރު ފައިސަލް ފެނެއެވެ. އެ ކަމެއް ހިނގި ރޭ، ސަލީމްގެ ކޮޓަރިއަށް ވަންތަނެވެ. ނިކުތްތަނެވެ. ކަޅު ކޮތަޅެއް ހިފައިގެން ދެވަނަ ފަހަރަށް ވަންތަނާއި ނިކުތްތަނެވެ. ފުހުލުންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ކުރިން މިއިން އެއްވެސް ފްޓޭޖަކުން ފައިސަލް ފެނިފައި ނެތީމައެވެ.

ސަލީމްގެ މައްޗަށް މައްސަލަ ސާބިތު ނުވުމުން، މައްސަލައިގެ ފައިލް ފުލުހުން ލައްޕާނުލައި ކުރިއަށް ގެންދިޔައީ، މަރުގެ މައްސަލައަކަށްވެފައި، ގާތިލު އަތުނުޖެހޭތީއެވެ. މިއަދު ފުލުހުންނަށް ވަނީ އެކަން ކާމިޔާބުވެފައެވެ. އަފާގެ ގާތިލު ހޯދިފައެވެ.  ތަހުޤީޤު ޓީމަށް ލިބުނީ، ވަރަށް ވެސް ބޮޑު ކާމިޔާބެކެވެ.

އަފާ މަރާލީ ފައިސަލްކަން ސަލީމަށް އެނގުނީ، ވަސީމާ ރޮއިރޮއިފައި އެ ވާހަކަ ކިޔައިދިނުމުންނެވެ. ވަސީމާގެ ވާހަކަ އަޑުއަހާފައި ސަލީމް ގަނޑުވިއެވެ. އެތައް އިރަކު ހުއްޓުން އަރާފައި ހުރެވުނެވެ. އެންމެ ފަހުން ރޮވުނީއެވެ. އެތައް ސަބަބަކާ ހުރެއެވެ.

ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މި ވާހަކަ ފަވާލިއެވެ. ސަލީމްގެ ފޮޓޯ ކުރަހާލިއެވެ. އޭގެ ސަބަބުން ވަސީމާގެ އައިލާއަށް ލިބުނު ހިތާމައާއި ލަދުވެތިކަން، އެތައް ގުނައަކަށް އެރިއެވެ. ވަސީމާ ބޭނުންވީ މާލެ ދޫކޮށްލާށެވެ. ރަށު މީހުން ކޮންމެ ގޮތަކަށް ދުށްޓަސް، ކޮންމެ އެއްޗެއް ކިޔަސް، ތިން ދަރިން ގޮވައިގެން ރަށަށް ބަދަލުވާށެވެ. މާލެއިން އޭނާއަށް ލިބުނީ، ހިތި، ވޭނީ ތަޖުރިބާތަކެކެވެ. އުމުރު ދެބައިން މައްޗަށް ގޮސް، ފިރިއެއްގެ އަޅާލުމާއި އެހީތެރިކަން އެންމެ ބޭނުންވި ދުވަހު، ފިރިމީހާގެ ލޯބިން މަހުރޫމުވީއެވެ. ވަސީމާގެ އެންމެ ފަހުގެ ނިންމުމަކަށްވީ، ރަށަށް ގޮސް ފައިސަލް ގާތުން ވަރިވާން ފޯމުލުމެވެ.

ފައިސަލް އޮތީ ޖަލުގެ ކުޑަ ގޮޅީގައެވެ. އެކަނިމާއެކަންޏެވެ. ވަގުތަކީ މެންދަމުގެ ހަމަހިމޭން ވަގުތެވެ. އެ ކުޑަކުޑަ ގޮޅިއަށް ވެރިވެފައި ވަނީ، ފަނޑު އަލިކަމެކެވެ. ދެ ލޮލުން ކަރުނަ ނުހިކޭ ހާލުގައި ފައިސަލް އޮއްވާ، ހަމަ ކުއްލިއަކަށް އޭނާގެ ކުރިމަތިން ފާޅުވީ، އޭނާއަށް ކެހިދެމުން ގެންދާ ރޫޙާނީ މަޚުލޫޤެވެ. އޭތީގެ ދަރި ވެސް ހުއްޓެވެ. ހުތުރު، ބިރުވެރި ސިފައިގައެވެ. ފައިސަލަށް ފުންމައިގެން ތެދުވެވުނެވެ.

“އަދިވެސް ބަދަލު ނުހިފެނީތަ؟” ތުރުތުރުއަޅަމުން ދިޔަ އަޑުން ފައިސަލަށް އަހައިލެވުނެވެ.

“ދުނިޔެއަށް ފަޟީހަތް ނުކޮށް، ބެހެއްޓީމަ، އޭގެ އަގު ވަޒަންކުރާކަށް ކަލެއަކަށް ނޭނގުނެއްނު! މިހާރު ތިހިރީ ރަނގަޅަށް ފަޟީޙަތް ކޮށްފަ. ހުރިހައި ނޫސްތަކެއްގައި އެހެރީ ކަލޭގެ ފޮޓޯ ވެސް ޖަހާފަ. އަނބިމީހާއާއި ދަރިންކޮޅު އެ ތިބީ ލަދާއި ހިތާމައިން ގޮތްހުސްވެފަ. އެހެނޭކިޔާފައި އަހަރެމެންގެ ކިބައަކުން ކަލެއަކަށް ސަލާމަތެއް ވެސް ނުވެވޭނެ! ކޮންމެ ރެއަކު، ކޮންމެ ދުވަހަކު، އަހަރެމެން މި ތަނަށް އަންނާނަން! ކަލެއަށް ކުރެވުނު އުނދަގުލެއް ކުރާނަން!”

ގޮޅީތެރެއަށް ވެރިވި އޮލަ ދުންގަނޑަކާއެކު، ރޫޙާނީ މަޚުލޫޤުގެ ދެ ބަފައިން ޣައިބުވެއްޖެއެވެ. ފައިސަލަށް އަޑުންއަޑުނަގައި ރޮއިގަނެވުނެވެ. އޭނާގެ ހިތް ކަތިލެވި، ނަފުސު ފަޅިވެއްޖެއެވެ. ޝައިޠާނާގެ ބަހަށް އަޅުދާސްވެގެން، މާޒީގައި ދިރިއުޅެވުނު ފާޙިޝް ދުނިޔޭގެ މަންޒަރުތައް ކުރިމަތީގައި ހާމަވާންފެށުމާއެކު، އޭނާ ބިރުން ރޫރޫލައިގަތެވެ. ފާފަތަކުގެ ހާއްޔެއްގައި، އިސްރާފުކުރެވުނު ދުވަސްތަކާމެދު ވިސްނައިލެވުމުން….. ސަހަރޯއެވެ. އެއީ ކޮން ފަދަ ދުވަސްތަކެއް ހެއްޔެވެ؟ ކުރިން ނުވިސްނުނީ ކީއްވެގެން ބާވައެވެ؟

އެ ދުނިޔެއިން ނިކުންނާން އެތައް ބަޔަކު އޭނާއަށް އެ ދުވަހު ނަސޭޙަތް ދިނެވެ. އެހެންނަމަވެސް އެ ނަސޭހަތްތައް ބޮލައިލައި ޖަހާފައި، ފިޔަވަޅު ނެގުނީ ކުރިއަށެވެ. އެ ދުވަހު އެ ބަސްތައް ގަބޫލުކުރެވުނު ނަމަ، މިއަދު މި ގޮތަށް ރޮއިރޮއި އޮންނާކަށް ނުޖެހުނީހެވެ. ޖަލުގެ ބިރުވެރި ކުޑަގޮޅިއެއްގައި ހަފުސްވާކަށް ނުޖެހުނީހެވެ.

ނިމުނީ

Be the first to comment

ޚިޔާލު