ގައުމުގެ މިނިވަންކަމަށް އޮތް ބިރަކަށް ނުވޭތޯ؟

ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ. މިއީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ވީއްލި، ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހެވެ. ދިވެހިންނަށް މިނިވަންކަން ލިބުނީ، އެ ކަމަށް ޓަކައި ދިވެހި ދަރިންތަކެއް ކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން މި ފަދަ ލިޔުމެއްގައި، އެ ކަމުގެ މައްޗަށް އަލިއަޅުވައިލުމަކީ، މުހިންމުކަމެއް ކަމުގައި ދެކެމެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ، މީގެ 136 އަހަރު ކުރިން (1887 ވަނަ އަހަރު) އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ، ދެމެދު ބަދަލުކުރެވުނު ސިޓީތަކަކުންކަން ތާރީޚު ހެކިދެއެވެ. ހިމާޔަތުގެ އެ އެއްބަސްވުމުގައި ވާ ގޮތުން، ރާއްޖޭގެ ދާޚިލީ ކަންކަން ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ދިވެހި ދައުލަތަށް ލިބިފައި އޮތް ނަމަވެސް، ރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގޭން އޮތީ، އިނގިރޭސި ދައުލަތް މެދުވެރިކޮށެވެ. އަދި ރާއްޖޭގެ ތަޚުތަށް ރަސްކަލަކު އިސްކުރާ ނަމަ، އެ ކަން ވެސް އިނގިރޭސި ސަރުކާރަށް އަންގާން ޖެހެއެވެ.

ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ދެ ގައުމުން އިހުރިތާމްކުރަމުން ގެންދިޔަ ނަމަވެސް، ދުވަސްކޮޅަކުން އެ އެއްބަސްވުމާ ޚިލާފަށް އިނގިރޭސީން އަމަލުކުރާންފެށިއެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްގަދަކުރާފެށިއެވެ. އަދި މަޑުމަޑުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެ ބައިމީހުން ވަންނަ މިންވަރު ދިޔައީ އިތުރުކޮށް ބޮޑު ވެސް ކުރަމުންނެވެ.

ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އައުކުރުމާ ބެހޭގޮތުން 1950 ގެ އަހަރުތަކުގެ ތެރޭގައި މަޝްވަރާކުރެވުނެވެ. އެ މަޝްވަރާގައި ދިވެހި ސަރުކާރުން ބުނަމުން ގެންދިއައީ، އަލަށް ވެވޭ އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ސިޔާސީ ޙައިޞިއްޔަތު އެނގެން އޮންނާންޖެހޭނެ ކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ އަމިއްލަވެރިކަމެއްގެ ބާރު ލިބިފައިވާ މިނިވަން ޤައުމަކަށް ވާންޖެހޭނެކަމަށެވެ. އިނގިރޭސިން މި ކަމާ ދެކޮޅު ހެދިއެވެ. އެހެންނަމަވެސް، ފަހުން ގޮތް ދޫކޮށް، ދިވެހި ސަރުކާރުން ބޭނުންވި ގޮތަށް  1960 ވަނަ އަހަރު ދެވަނަ މުއާހަދާއެއްގައި ސޮއި ކުރެވުނެވެ. އިނގިރޭސީން މެދުވެރިވެގެންނޫނީ ބޭރު ޤައުމަކާ ސިޔާސީ ގުޅުމެއް އުފެއްދުމަކަށް އެ މުއާހަދާއިން ވެސް ތަނެއް ނުދެއެވެ. އެހެކަމުން އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ވީއްލުމަށް ދިވެހި ސަރުކާރުން މަސައްކަތްފެށިއެވެ.

ދެކުނުގެ  ހަތަރު އަތޮޅުން ވަކި ސަރުކާރެއް އުފައްދަން ކުރި މަސައްކަތުގެ ތެރެއަށް އިނގިރޭސިން ވަނުމާ ގުޅިގެން، އިނގިރޭސީންގެ ކިބައިން މިނިވަންވުމުގެ ވަރުގަދަ ރޫހެއް ދިވެހިންގެ ކިބައިގައި އުފެދުނެވެ. މި ގޮތުން ދިވެހި ސަރުކާރާއި ރައްޔިތުން ކުރި ގިނަގުނަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.

މިނިވަން ގައުމެއްގެ ގޮތުގައި މިއަދު ދިވެހިރާއްޖެ މި އޮތީ، އެ ކަމަށް ޓަކައި ދިވެހިންގެ ބަޔަކު އަގުހުރި ވަގުތުތަކެއް ހޭދަކޮށްގެންނެވެ. ބޮޑެތި ގުރުބާނީތަކެއްވެގެންނެވެ. އެހެންކަމުން މި އަގުހުރި ނިޢުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަކީ، ދިވެހި ކޮންމެ ދަރިއެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ޒިންމާއެކެވެ. އަދި ވާޖިބެއް ވެސް މެއެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ވެފައވާ އިރު، މިހައިތަނުން ހިތުގައި އުފެދޭ ސުވާލަކީ، މިއަދު މި ގައުމު ދަތުރުކުރަމުން މިދާ މިސްރާބަށް ބަލާއިރު، މި ފަޚުރުވެރި ނަން ދިވެހި ފަސްގަނޑުގައި ފެވިފައި އޮންނާނީ ކިހައި ދުވަހެއް ވާންދެންބާވައެވެ؟ މިނިވަންކަމުގެ އުފާވެރި ހިނިތުންވުން ދިވެހިންގެ މޫނުމަތީން ފެންނާން ހުންނާނީ ކިހައި ދުވަހެއް ވާންދެންބާވައެވެ؟ އަޅުގަނޑުގެ ހިތުގައި މި ސުވާލު އުފެދޭ އެތައް ސަބަބެއް އެބަ ހުއްޓެވެ. އޭގެތެރެއިން އެއް ސަބަބަކީ، މިއަދު މި ގައުމަށް އެތެރެވަމުން އަނަން ބިދޭސީންގެ އަދަދު، އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އައުމެވެ. އެ މީހުންގެ އާރާއި ބާރާއި ނުފޫޒުގެ މޫތައް، ގައުމުގެ ހުރިހައި ދިމާއަކަށްހެން ފެތުރި ވަރުގަދަވަމުން އައުމެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އާބާދީގެ %32 އަކީ ބިދޭސީންނެވެ. ވަޒީފާ އަދާކުރާ އުމުރުގެ ނުވަތަ 20 އަހަރާއި 44 އަހަރާ ދެމެދުގެ ދިވެހިންނަށް ވުރެ، މި ގައުމުގައި އުޅޭ ބިދޭސީންގެ އަދަދު މިއަދު ގިނައެވެ. ބިދޭސީންގެ މި ބޮޑު އާބާދީ މިއަދު އަންނަނީ، ދިވެހިންގެ ހުރިހައި ކަމެއްގެ ތެރެއަށް ވަދެ، ބާރު ގަދަކުރަމުންނެވެ. ވިޔަފާރިއާއި ވަޒީފާއާއި މަސައްކަތްތެރިކަމުގެ ދާއިރާގައެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ކަމާ މެދު ފިޔަވަޅެއް ނާޅައި ތިބޭން ވެއްޖެ ނަމަ، ދިވެހިރާއްޖޭގެ އާބާދީއަށް ވުރެ މި ޖަމާޢަތް ބޮޑުވެ، ބާރު ގަދަވެ، ދިވެހިރާއްޖޭގެ ހުރިހައި ކަމެއްގެ މައްޗަށް މި ބައިމީހުންގެ ނުފޫޒު ހިންގަންފަށައިފާނެއެވެ. ދިވެހިގައުމު ދިވެހީންގެ އަތްމަތިން ބީވެދާނެއެވެ. މި ފަދަ ހާލަތްތައް ތަޖުރިބާ ކުރާންޖެހުނު ގައުމުތައް ދުނިޔޭގައި އެބަ ހުއްޓެވެ. އެ ފަދަ ގައުމުގެތަކުގެ ރައްޔިތުންގެ ދެ ލޮލުން އޮހެމުން ދަނީ ހިތާމައިގެ ކަރުނައެވެ.

ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ މާހައުލަށް ބަލާއިރު، ބިދޭސީންގެ ނުފޫޒު ފޯރާފައި ނެތް އެއްވެސް ދާއިރާއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އާދައިގެ ކުދިކުދި މަސައްކަތްތަކުން ފެށިގެން ހުނަރުވެރި ބޮޑެތި މަސައްކަތަތަކަށް ދާނދެނެވެ. އޭގެ ސަބަބުން މިނިވަންކަމާ އެކު މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ދިވެހިންނަށް މިއަދު މި ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ރޭނުމާއި ވަޑާންކުރުމާއި ތަށިމުށިޖެހުމާއި ކަރަންޓުގެ މަސައްކަތާއި އެއާކޯނުގެ މަސައްކަތްތައް ފަދަ އެތައް މަސައްކަތްތަކަކުން ދިވެހި މަސައްކަތްތެރިންނަށް ފުރުސަތު ކުޑަވާން ފަށައިފިއެވެ. ދިވެހިން މި ފަދަ މަސައްކަތްތައް ކޮށްދޭ އަގަށް ވުރެ، ބިދޭސީން ކޮށްދޭ އަގު ދަށްކޮށްލާތީއެވެ. ނަތީޖާއަކަށް ވެފައި ވަނީ މި ފަދަ ސައްކަތްތަކުން ދިވެހިން މަހުރޫމުވެ، ބިދޭސީންގެ ބާރުގެ ދަށަށް މި މަސައްކަތްތައް ދިޔުމެވެ. މި ވަރުން ދާ ނަމަ ރާއްޖޭގައި ކުރެވޭ މި ފަދަ މަސައްކަތްތަކުގެ ކޮންޓްރޯލް ބިދޭސީން ނެގުމަކީ، ދުރުގައި އޮތް ކަމެއް ނޫންނެވެ. މިއީ ދިވެހިންގެ މަސައްކަތްތެރިކަމުގެ މިނިވަންކަމަށް އެޅިފައި އޮތް ހުރަހަކަށް ނުވޭތޯއެވެ؟

ދިވެހިން ކުރަމުން އައި ތަފާތު އެކިއެކި ވިޔަފާރިތަކަށް ވެސް ބިދޭސީންގެ ނުފޫޒު މިއަދު ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. ކަންމަތީ ފިހާރަތަކުން ފެށިގެން ގޮސް، ބޮޑެތި މާޓުތަކާއި ހޮޓާ، ކެފޭ ރެސްޓޯރެންޓްތައް ވެސް އެބައިމީހުން ހިންގަމުން ގެންދެއެވެ. ބައެއް ބިދޭސީން ވިޔާފާރި ކުރުމުގައި، ގާނޫނަކަށް ގަވާއިދަކަށް ސަމާލުކަން ދިނުމެއް ނޯވެއެވެ. މާލޭގެ އާންމު ފާޚާނާ ބަރިއެއް ހުރިތަނެއްގައި ފެންވަރު ރަނގަޅު ސެލޫނެއް ހިންގަމުން ދިޔަ މައްސަލައެއް، ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އދ. ފުށިދިއްގާގައި، ވޯކް ޕާމިޓް ނެތް ބިދޭސީއަކާއި ފިލައިގެން އުޅޭ ބިދޭސީއަކު ތިބެ، އެ ރަށަށް ފަތުރުވެރިން އަރުވައިގެން، ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރި މައްސަލައެއް ވެސް ނޫސްތަކުގެ ސުރުޚީއަށް ވަނީ އަރާފައެވެ. މި ފަދަ ވިޔަފާރިތަކުގެ ސަބަބުން އާންމު ދިވެހިން ކުރަމުން އަންނަ ވިޔަފާރިތަކަށް އިންތިހާ ދަރަޖައިގެ ހީނަރުކަން ލިބެމުންދެއެވެ. ޚާއްޞަކޮށް ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރިތަކަށެވެ. މިހިރަ މިހިރަ ކަންކަމަކީ ދިވެހިންގެ ވިޔަފާރީގެ މިނިވަންކަމަށް އެޅެމުން އަންނަ ކަޅު ހިޔަންޏެއް ނޫންތޯއެވެ.

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ނަޒަރު ހިންގައިލުމުން ވެސް ފެންނަނީ، ދިވެހިންގެ މިނިވަންކަމަށް ހުރަސްއެޅެމުން އަންނަ ތަނެވެ. ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިކުކޮށްގެން ތިބި އެތައް ދިވެހިންނެއް މިއަދު މި ގައުމުގައި އެބަ ތިއްބެވެ. މި ފަދަ ދިވެހިންގެ ތެރޭގައި ވަޒީފާއަކަށް އެދި “ސަލާންޖަހަމުން” އަންނަ ދިވެހިންގެ އަދަދު މަދެއް ނޫނެވެ. ރާއްޖޭގައި ވަޒީފާ ނެތީއެއް ނޫނެވެ. އެހެންނަމަވެސް އެ ވަޒީފާތަކަށް ބިދޭސީން އަތްގަދަކޮށް، ދިވެހިންނަށް އޮތް ފުރުސަތު ވަނީ ކުޑަކޮށްފައެވެ. ރިސޯޓުތަކާއި ކުންފުނިތަކުން ފެށިގެން، އާދައިގެ ވަޒީފާތަކުގައި ވެސް ބިދޭސީންގެ ބާރު މިއަދު މިވަނީ ވަރަށް ގަދަވެފައެވެ. ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިވާ ގޮތަށް ގާނޫނު ބައްޓަންކޮށްފައި އޮތް ނަމަވެސް، އެ ގާނޫނަށް އިހުތިރާމްކުރާ މީހުން މަދެވެ. އެކަންކަން ބެލޭނެ ހަރުދަނާ އުސޫލެއް ވެސް ނެތެވެ. ނަތީޖާއަކަށްވަނީ، ވަޒީފާ ހޯދުމުގައި ދިވެހިންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ދަތި ހާލުގައި އުޅޭންޖެހޭ އާއިލާތައް ގިނަވުމެވެ. ވަޒީފާގެ މާހައުލުގައި ބިދޭސީންގެ އާރާއި ބާރު ގަދަވެ، ދިވެހިން ބަލިކަށިވަމުން ދިޔުމެވެ. ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެ ދިޔުމުގެ ނިޝާނަކަށް މި ފަދަ ކަންކަން ނުވޭތޯއެވެ؟

އިޖުތިމާޢީ މަސައްލަތަކުގެ ހާއްޔަކަށް މިއަދު ދިވެހި ގައުމު ބަދަލުވަމުން ދާ އިރު، މި ކަމުގައި ވެސް ބިދޭސީންގެ ދައުރު ބޮޑެވެ. ތަފާތު އެކި ކަހަލަ ކުށްތަކުގައި ބިދޭސީން ބައިވެރިވަމުން އަންނަނީ ކަންބޮޑުވާންޖެހޭ ފަދަ މިންވަރަކަށެވެ. ކުރިން ބިދޭސީން މާ ބޮޑަށް ޝާމިލުވެ ނޫޅޭ ކުށްތަކަށް ވެސް މިއަދު ބިދޭސީން އަރައިގަންނާން ފަށައިފިއެވެ. ދިވެހިރާއްޖޭގެ ކުށުގެ ރެކޯޑުތަކަށް ބަލައިލާ އިރު، ކުށްކުރާ ބިދޭސީންގެ އަދަދު، އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ ބިދޭސީން ބައިވެރިވާ ކުށްތައް ވެސް އަންނަނީ ގިނަ ވަމުންނެވެ. އޭގެތެރޭގައި އެ ބައިމީހުން މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ ދިވެހިންގެ އަގުހުރި މުދާލާއި ތަކެތި، ވަގަށް ނަގައި ވިއްކުމާއި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރުމާއި މީހުން މެރުމާއި ހަށިވިއްކުމާއި ޖުވާކުޅުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކުރުމާއި ވައްކަންކުރުމާއި، ޖިންސީގޯނާކުރުމާއި، މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުން ފަދަ ތަފާތު އެކިއެކި މައްސަލަތަކުގައި ބިދޭސީންގެ އަދަދު ގިނަ ކަމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ފަދަ ކަންކަމުގެ ސަބަބުން، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިނިވަންކަމަށް އަންނަނީ ބޮޑެތި ހުރަސްތަކެއް އެޅެމުންނެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ އުޅޭ ބިދޭސީންގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތައް ވެސް ގައުމުގައި ހިނގަމުންދެއެވެ. ކުށްކުމުގެ އިތުރުން ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ވެސް އެބައިމީހުން ވަނީ ރާވާ ހިންގާފައެވެ. ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގައި، ސަރުކާރާއި އާންމު ރައްޔިތުންގެ މުދަލަށާއި ތަންތަނަށް ގެއްލުންދީފައި ވެސް އެބަ ހުއްޓެވެ. ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވި ގޮތުގައި، ބިދޭސީންގެ އަމަލުތައް ބައެއް ފަހަރު ހުންނަ ގޮތުން، ފެންނަމުން ދަނީ، އިސްތިއުމާރީ ބާރަކުން ދިވެހިރާއްޖެއަށް އަރައިގެން ހިންގާ ފަދަ އަމަލުތަކެއްގެ މަންޒަރުތަކެކެވެ. ޝަމާލުގެ މި ވާހަކަފުޅަށް ވިސްނައިލުމުން، ބިދޭސީންގެ މައްސަލައަކީ ގައުމުގެ މިނިވަންކަމަށް ކިހައި ނުރައްކާތެރި މައްސަލައެއްކަން އެނގެއެވެ.

ބިދޭސީންގެ މައްސަލައަކީ މިއަދު ޤައުމީ ސަލާމަތަށް އޮތް ބިރަކަށް ނުވޭތޯއެވެ؟ އަޅުވެތިކަމަށް ފަހިވާ ގޮތަށް ކޮށެމުން އަންނަ، ނާމާން މަގަކަށް ނުވޭތޯއެވެ؟ މިނިވަންދުވަހުގެ އުފާ ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި، މި ކަންކަންމާ މެދު މިހާރަށް ވުރެ ފުންކޮށް ވިސްނައިލާން އެބަ ޖެހެއެވެ. ގައުމުގެ ވައިމަތީ ފަރާތުން ނަގަމުން އަންނަ މި ކަޅު ވިލާގަނޑުގެ ނުރައްކަލުން، ގައުމު ސަލާމަތްކުރުމަށް މަސައްކަތްފަށާން އެބަ ޖެހެއެވެ. މި ކަން ކުރާން ތިބީ ދިވެހި ރައްޔިތުންނެވެ.

Readers Comments (3)

  1. ފެންވަރު ރަނގަޅު. ވަރަށް ހިތްވަރުގަދަ ލިޔުންތެރިއެއް ދެއްތޯ ހެ..ހެ.. އިބާރާތް ރަނގަޅު ކޮއްލިއްޔާ ފުރިހަމަ ވާނެ… އެގޮތުން ގިނަ ގިނައިން ދިވެހި ފޮތް ކިޔުން ބުއްދިވެރި! ހަމަކަށަވަރުން، ތިޔަ ހިތްވަރާ އެކު ކުރިއަށް ދާށެވެ!

    Reply
  2. varah furihama

    Reply

ޚިޔާލު