އަގަކާނުލައި އަގުހުރި ފަރުވާއެއް

އެތައް ބައްޔެއްގެ ޝިފާ، އެންމެ ބޭސްގުޅައެއްގެ ތެރޭގައި ފޮރުވިފައި އޮވެދާނެބާވައެވެ؟ އެހެންވެއްޖެ ނަމަ، އެ ބޭސްގުޅަ ހޯދުމަށް ޓަކައި މީހުން ހާދަހައި މަސައްކަތެއް ކުރާނެއެވެ. ބިޔަ ސަހަރާތަކުގައި އަތްފުނާއަޅާނެއެވެ. ބޮޑެތި ޖަންގަލިތަކުގައި ލޫދޭނެއެވެ. ފުން ކަނޑުތަކުގައި ފީނާނެއެވެ. ކަން މިހެން އޮތް ނަމަވެސް، ސިއްރެއް ބުނަންހެއްޔެވެ؟ އެ ފަދަ ބޭސްގުޅައެއް އަދި ވުޖޫދުވެފައެއް ނެތެވެ. ސައިންސްގެ ތޫނު ވިސްނުމަށް މި ކަހަލަ ފަރުވާއެއް އީޖާދެއް ނުކުރެވެއެވެ. އެހެންނަމަވެސް އެ ފަދަ ފަރުވާއެއް ތިޔައިން ކޮންމެ މީހެއްގެ އަތްފޯރާފަށަށް ތިލަވެފައި އެބަ އޮތެވެ. އެ ފަރުވާއަކީ ކޮބައި ހެއްޔެވެ؟ އާނއެކެވެ. އެއީ ކަސްރަތުކުރުމެވެ.

ޖިސްމާނީ ދުޅަހެޔޮކަމަކީ އިއްޒަތުގެ ތާޖަކަށް ވުރެ ވެސް އަގު މާތް ނިއުމަތަކެވެ. މި ނިއުމަތް ލިބިގަތުމަށް ޓަކައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކަސްރަތުކުރުމެވެ. ކަސްރަތުކުރުމުގެ ސަބަބުން، ހަށިގަނޑުގެ މަސްތަކާއި ކަށިތަކުގެ ދުޅަހެޔޮކަން އިތުރުވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުގެ ކުދިކުދި ލޭނާރުތަކުގެ ޖާގަ ވެސް ތަނަވަސްވެ ފުޅާވެއެވެ. އޭގެ ސަބަބުން ލޭގެ ހިނގުން ރަނގަޅުވެއެވެ. ފުއްޕާމޭ ފުޅާވެ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ފަސޭހަކަމާ އެކު ގުނަވަންތަކަށް ފޯރައެވެ. ހަމައެހެންމެ ކަސްރަތަކީ ބޮޑު ގޮހޮރަށް ޖެހޭ ކެންސަރާއި އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ވެސް ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. އަދި ކޮބައިތޯއެވެ؟ ސަލާމަތް ނުވެވިގެން ތިޔަ އުޅޭ ހަކުރުބައްޔާއި ލޭމައްޗަށް ދިޔުމާއި ކޮލެސްޓްރޯލުގެ ނުރައްކަލުން ވެސް ސަލާމަތްކޮށްދެއެވެ.

ލޫޅާފަތި ހަށިގަނޑަކަށް، ކޮންމެ މީހެއްގެ ހިތުގައި ވެސް ދަހިވެތިކަން އޮވެއެވެ. ރީތި ކަސްރަތީ ހަށިގަނޑެއް ލޮލުކޮޅަށް ފެނުނަސް ކަޅިޖަހައި ނުލައި ބެލެއެވެ. އަމިއްލަ ހަށިގަނޑު ވެސް އެހެން ހުންނާނެ ނަމައޭ ހިތަށް އަރައެވެ. ތިޔަ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ބައިވެރިއަކީ ވެސް ކަސްރަތެވެ. ކަސްރަތާ ނުލައި ކެއުމަށް ބަދަލުގެނެސްގެން، ތިޔަ ހުވަފެނުގައި ކުލަ ނުޖެއްސޭނޭކަމަށް ބްރަކީން އޭނާގެ ފޮތް “ދަ ފިޓްނަސް މައިންޑްސް”ގައި ހާމަކޮށްފައިވެއެވެ. “ކަސްރަތާއި ޑައެޓްގެ މިސާލަކީ ފިސްތޯލައާއި ވަޒަނުގެ މިސާލެވެ. ފިސްތޯލައަކީ ޑައެޓެވެ. ކަސްރަތަކީ ވަޒަނެވެ. ވަޒަނާ ނުލައި، ފިސްތޯލައިގެ ބޭނުމެއް ނޯންނާނެއެވެ.” ބްރަކީންގެ މި ވާހަކައާ މެދު ވިސްނައިލުމުން ވެސް އެނގެނީ، ހަމައެކަނި ކެއުމަށް ބަލައިގެން ވާން ނެތްކަމެވެ. ކެއުމަށް ބަލައިގެން އުޅުނަސް، ކަސްރަތުކުރަން ޖެހޭކަމެވެ. ތިޔަ ބޭނުންވާ މަންޒިލަށް ވާސިލުވެވޭނީ އޭރުންނެވެ.

ނަފުސާނީ ބައްޔަކާ އެބަ ހަނގުރާމަކުރަން ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ އެ ކަމުން އަރައިގަތުމަށް ވެސް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ކަސްރަތުކުރުމެވެ. ގަވާއިދުން ކަސްރަތުކުރާ ނަމަ، މިހާރު ތަހައްމަލުކުރަމުން ތިޔަ ގެންދާ ސްޓްރެސްއާއި އެންޒައިޓީ ފަދަ ނަފުސާނީ ތުރާތަކުން ސަލާމަތްވެވިދާނެއެވެ. މިޝިގެން ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ، ކެރޯލް ޖެނޭ ވިދާޅުވެފައިވެއެވެ. “ކަސްރަތުކުރުމުގެ ސަބަބުން އުފާވެރިކަމުގެ ހޯމޯންތައްކަމަށްވާ އެންޑޯފިންސް ގެ މިންވަރު ހަށިގަނޑުގައި އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފުސާނީ ބަލިތަކުން ދުރުހެލިކޮށްދެއެވެ.” ހަމައެހެންމެ ދިރާސާތަކުން ދައްކާގޮތުގައި ކަސްރަތުކުރުމުން ސީދާގޮތުންނާއި ނުސީދާގޮތުން މީހާގެ ވިސްނުން ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. އެހެންވީމާ ތިޔަހެން ކަސްރަތު ނުކޮށް، ކަންނެތްވެފައި އޮވެގެން ވާން އެބަ އޮތްހެއްޔެވެ؟ އެއް ގައުގަނޑުން ޖަހައި ފަސްހަ ދޫނި މަރާލުމަށް ޓަކައި، ކަސްރަތުގެ ދުނިޔެއަށް އަވަހަށް ވަންނަމާ ހިނގާށެވެ!

ހަޔާތުގެ ހަގީގީ އުފާ ހާސިލުކުރަން އެދޭ ނަމަ، އަގަކާ ނުލައި ލިބޭން އޮތް އަގުހުރި ފަރުވާއާ ދިމާއަށް އަތް ދިއްކޮށްލާށެވެ! އެއީ ސިއްހީ ބަލިމަޑުކަމުގެ ޝިފާއެވެ. ނަފްސާނީ އުނދަގޫތަކުގެ ހައްލެވެ. ޖިސްމާނީ ރީތިކަމުގެ މޭސްތިރިއެވެ. އާއެކެވެ! ކަސްރަތަކީ ގުނައި އަދަދުނުކުރެވޭހައި ގިނަގުނަ ފައިދާތައް އެކުލެވޭ “އޯލް އިންކްލޫސިވް ޕެކޭޖް”އެކެވެ. ވީމާ ކޮންމެ މީހަކު ވެސް، ދުވާލަކު މަދުވެގެން 30 މިނެޓެއްހައި އިރު، ކަސްރަތަށް ހޭދަކޮށްލުން އުފަލަކަށް ހަދަމާތޯއެވެ؟

Be the first to comment

ޚިޔާލު