ދަމަކަށް އިރު އަރައިފިއެވެ. އިރުވަޔަށް އަލިކޮށްފައިވާ ސާފު ނޫ އުޑު، މިއަދު ވަނީ އިރުގެ މިލްކަކަށް ހަދާފައެވެ. އިރުގެ ދޯދިތައް ހަލުއިކަމާ އެކު މަސައްކަތްކުރަމުން ގެންދިޔައީ، އޭގެ މުށުގެ ތެރެއަށް މުޅި ދުނިޔެ ގެނެވޭތޯއެވެ.
ގުދުރަތުގެ ފުރިހަމަކަން ފެންނަ ރީތި ކުޑަކުޑަ ރަށުގެ ވަށައިގެން ފެތުރިފައިވާ ހުދުފަސްގަނޑަށާއި ފެހިކަން ގަދަ ގަސްތަކުގެ މައްޗަށް އިރުގެ ހޫނު އަތުގެ ބާރު ހިންގާން ފަށައިފިއެވެ. ގޮނޑުދޮށުގެ ހިމުން ދޮންވެލީގެ މަސަންދުގައި، މީގެ އިރުކޮޅެއް ކުރީން ލޯތްބާ އެކު ފިރުމަމުން ގެންދިޔަ ރާޅުތަކުގެ މިޒާޖު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. ކުލުނާއި އޯގާވެރިކަމުގެ ފޭރާން ބާލައި އުކާލުމަށްފަހު، ރުޅިވެރިކަމާއި ރަހުމުކުޑަކަމުގެ ފޭރާމުގައި ނިކުމެ، ކުށެއް ނެތް އެ އެކަނިވެރި ގޮނޑުދޮށަށް ވަރުގަދަ ހަމަލާތަކެއް ދޭންފަށައިފިއެވެ. ކޮން ކުށެއްގެ ބަދަލު ހިފުމެއްކަމެއް ނޭނގެއެވެ.
ދުރުން މާ ދުރުން އެ ރަށާ ދިމާއަށް ދުއްވާފައި އަންނަ ގަދަ ފެހި ކުލައިގެ ކުޑަކުޑަ ޑިންގީއެއް ފެނިއްޖެއެވެ. އޭގައި އިނީ އެންމެ މީހެކެވެ. ޑިންގީ އެ އައި ގޮތަށް އައިސް، އެ ރަށުގެ ކުޑަކުޑަ ނެރުން ފަޅުތެރެއަށް ވަދެއްޖެއެވެ. މުގުރަމުން ދިޔަ ބިޔަ ރާޅުތަކުގެ ރުޅިއަށް ބެލުމެއްނެތިއެވެ. ފަޅަށް ވަންގޮތަށް ޑިންގީގެ މިސްރާބު ފަހިކުރީ ރަށުގެ ވައިދަށް ފަރާތަށެވެ. ފަރިތަކަމާ އެކު ޑިންގީ އެ ދިމާއަށް ކައިރިކޮށް، ލޮތާރިލައި، ޑިންގީ އަޅައިފިއެވެ.
އެ ޑިންގީގައި އިނީ ރިޟުވާނެވެ. އެއީ އެރަށާ މާ ދުރުނޫން ރަށެއްގައި ދިރިއުޅޭ ޒުވާނެކެވެ. އޭނާ ޑިންގީން ފުންމައިލީ، ކޯސްޓު ހުސްކުރި ކުޑަ ދަޅަކާއި އެއްޗެހިތަކެއް އަޅާފައި ހުރި ރަތް ކޮތަޅެއް ހިފައިގެންނެވެ. ކަކޫތާފެނުގައި ހިނގާލައިފައި އައިސް ރަށަށް އަރައި، ހަލުއި ފިޔަވަޅުތަކެއްގައި އެއްގަމަށް ހިނގައިގެންފިއެވެ. ގުދުރަތުގެ އަޖައިބެއް ފަދަ ހުދު ދޮންވެލިގަނޑުމަތީގައި، އޭނާގެ ފައިތިލައިގެ ނިޝާތައް ކުރަހަމުންނެވެ. ފިޔަވަޅުތައް އެތުރެމުން ދިޔައީ ރަށުގެ ހޭޅިފަށާ ދިމާއަށެވެ.
ރިޟުވާނަކީ އިސްކޮޅުން މެދުމިނުގެ، ރޫފަ ހެޔޮ ޒުވާނެކެވެ. އޭނާގެ ކަނދުރާއާ ހަމައަށް ފައިބާ، ފަން އިސްތަށިގަނޑާއި، އޮޅަލި ކުލައިގެ ވަށް މޫނު ވަނީ، އަތްވަށް އަނދާފައެވެ. ގަދަ ރަތްކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ހުރި އިރު، އަތްފައި ފެންނަނީ ވަރުގަދަކޮށެވެ.
ހޭޅިފަށުން އެއްގަމަށް އެރޭން އޮތް ހަނިހަނި މަގުން ރިޟުވާނު ކުރިއަށް ދިޔައެވެ. ތަންކޮޅަކަށް ދިޔަތަނާ މަގުގެ އެއް ފަރާތެއްގައި އޮތް ހުސް ބިމެއްގައި، ދަނޑިފަނުން ހަދާފައި ހުރި ކުޑަ ޖިފުޓިއެއް ފެނިއްޖެއެވެ. އޭނާގެ މިސްރާބު ހުރީ އެ ގެއާ ދިމާއަށެވެ.
“ޝަނޫރާ! ޝަނޫ! ލޯބީ!” އެ ގެއާ ދިހަވަރަކަށް ފޫޓަށް ކައިރިވުމާ އެކު، ރިޟުވާނު ގޮވަންފެށިއެވެ. އެ އަޑުގައި ހުރީ ލޯތްބާއި އުފާވެރިކަމެވެ. އޭނާ ގޮސް އެ ގޭގެ ދޮރުމައްޗަށް ހުއްޓުނީ ވެސް އެ ގޮތަށް ޝަނޫރާއަށް ގޮވަމުންނެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ހުރީ ހިނިތުންވުމެވެ. މޫނުމަތީގައި އުފާވެރިކަމެވެ. ދުނިޔޭގެ ހުރިހައި އުފަލެއް އޭނާގެ ވަށައިގެން ތަވާފުކުރަމުންދާ ކަހަލައެވެ.
އަތުގައި ހުރި ދަޅާއި ކޮތަޅު އެއް ފަރާތެއްގައި ބަހައްޓާފައި، އެ ގޭގެ ފުޅަލިގަނޑުގައި ރިޟުވާނު ހިފައިލިއެވެ. އެއް ފަރާތްކޮށްލުމަށް ޓަކައެވެ.
“ޝަނޫ! ލޯބީ! ހިނގާ އަވަހަށް ސައިބޯ………” ރިޟުވާނު ފެށި ޖުމުލަ އޭނާގެ ކަރުތެތޭގައި ތާށިވެއްޖެއެވެ. ފުޅަލިގަނޑު އެއް ފަރާތްކޮށް، ގޭތެރެއަށް ބަލައިލުމާ އެކު ލިބުނު ކުއްލި ސިހުމެއްގެ ސަބަބުންނެވެ. އޭނާގެ ދެ ލޯ ވަގުތުން ބޮޑުވެއްޖެއެވެ. މޫނުމަތީގައި އުފުލިފައި ހުރި އުފާވެރިކަމުގެ ނިޝާންތައް، މޫނުމަތީގައި ވަޅުޖަހައިފިއެވެ. ކަންބޮޑުވުމާއި ހާސްކަން ހިލިގެންފިއެވެ.
ނޭވާ އަވަސްވެ ކުރުވެފައި ހުރެ ރިޟުވާނު ގޭތެރެއަށް ދެމިގެންފިއެވެ. ބާރަ ފޫޓު، ބާރަ ފޫޓު ހުންނަ ވަރުގެ އެ ކުޑަކުޑަ ޖިފުޓިގަނޑުގެ އެކިދިމަދިމާއަށް އޭނާ ކަޅި ހޫރާންފެށިއެވެ. ބިންމަތީގައި އަޅާފައި އޮތް ނޫ ކުލައިގެ ސަތަރިމަތީގައި ދަބަހެއް ހުއްޓެވެ. ދަބަސް ކައިރީގައި ދެ ބާލީހާއި ގުޅަވެށިފައި އޮތް ބެޑްޝީޓެއް އޮތެވެ. އެއްވެސް މީހެއްގެ ހިލަމެއް، ނިޝާނެއް ނެތެވެ.
“ޝަނޫ….. ޝަނޫ…..”
ގޭތެރޭގައި ޝަނޫރާ ނެތުމުން، އަވަސް އަވަހަށް ރިޟުވާނު ބޭރަށް ނިކުމެއްޖެއެވެ. ވަށައިގެން ހެދިފައި ހުރި މަގުލާއި ކުރެއްޖާއި ބޯއްޓާއި ފުނަ ކާނި ފަދަ ގަސްތަކުން ބޯވެފައިވާ ވަލާ ދިމާއަށް ބަލަންފަށައިފިއެވެ. މޫނުމަތީން ފެނާން ހުރި ހާސްކަމާއި ކަންބޮޑުވުން، އޭނާގެ އަވަސް ހަރަކާތްތަކުން ކިތަންމެ ރީއްޗަކަށް ވެސް ސިފަވަމުންދެއެވެ.
“ޝަނޫ….” ވަކި މަންޒިލެއް ނެތި ރިޟުވާނު ކުރިއަށް ހިނގައިގެންފިއެވެ. އެކި ފަހަރު އެކި ދިމާއަށް ބަލަމުންނެވެ. “ޝަނޫ! ކޮންތާކު ތި އުޅެނީ؟ ޝަނޫ! އަޅެ އަނގައިން ބުނެބަލަ!” ރިޟުވާނުގެ އަޑު އައީ ހިނދެއް ހިނދަކަށް ބާރުވަމުން ހަލުއިވަމުންނެވެ. “ޝަނޫ! އެއްޗެކޭ ބުނެބަލަ! މީ ޝަނޫގެ ރިޟޭއޭ!” ރިޟުވާނުގެ އަޑުގައި ތުރުތުރެއް އެކުލެވޭން ފަށައިފިއެވެ. ހިތް ތެޅެމުން ދަނީ ވަރަށް ބާރަށެވެ. “ޝަނޫ! އަޅެ ކޮންތާކަށްތަ ތި ދިޔައީ؟ ލޯބި ތިހެން އުޅެންޏާ ރިޟޭ މޮޔަވެދާނެއެއްނު!”
ރިޟުވާނުގެ އަޑާ އެއްވަރަށް އޭނާގެ ހާސްކަން ވެސް އައީ އިތުރުވަމުންނެވެ. ޝަނޫރާއަށް ގޮވަމުން އެކި ދިމަދިމާއަށް އޭނާދުވަން ފެށިއެވެ. ވަލުތެރެއަށް ވަންނަމުން، ގަސްތަކުގެތެރެ ބަލަމުން، ރުއްގަހު ކުރިއަށް ނަޒަރު އުކަމުން، މޮޔައަކު ފަދައިން އޭނާ ތެޅިފޮޅެމުން ކުރިއަށް ދިޔައެވެ. ތަންތަނުގައި އަޅައިގަނެ ހަންމެށެމުން، ލޭކޮށެމުންދާކަމެއް އިހުސާސެއް ނުވެއެވެ. މި ފަދަ ހާލެއްގައި ގޮސް އަތިރިމައްޗަށް ފައިބައިފިއެވެ. އޭރު އޭނާ ހުރީ ވަރުބަލިވެ ދާހިއްލައި ފޯވެފައެވެ.
ގޮނޑުދޮށަށް ފައިބައި ހޭޅިތެރެއަށާއި މޫދަށް ބަލަމުން ރިޟުވާނު ކުރިއަށް ދިޔައެވެ. އިރުން ހުޅަނގަށެވެ. ވަކިހިސާބަކަށް ދިޔަތަނާ، އޭނާއާ ވިއްސަކަށް ފޫޓު ދުރުން، ހޭޅިތެރެއިން ގަސްބޮނޑިއެއް ހެލިލިތަން ފެނިއްޖެއެވެ. މި މަންޒަރު ފެނުމާ އެކު ރިޟުވާނުގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ކަޅިޖަހައިނުލައި އެ ދިމާއަށް ބަލަހައްޓައިގެން ހުރެއްޖެއެވެ. އޭރު އޭނާގެ ނޭވާ ވެސް ހުރީ ހިފެހެއްޓިފައެވެ. ހިތް ތެޅޭ އަޑު ކަންފަތާ ހަމައަށް ފޯރައެވެ.
އިރުކޮޅަކު އެހެން ހުރެފައި، މަޑުމަޑުން އެ ދިމާއަށް ފިޔަވަޅުއަޅާން ރިޟުވާނު ފަށައިފިއެވެ. ލުއިލުއި ފިޔަވަޅުތަކެކެވެ. އެޅުނީ ދެތިން ފިޔަވަޅެކެވެ. އެ ގަސްބޮނޑީގެ ތެރެއިން ކުއްލިއަކަށް ޒުވާން އަންހެން ކުއްޖަކު ނިކުމެ، ރޮމުން ހޭރެމުން ކަހަލަ ގޮތަކަށް ރިޟުވާނާ ދުރަށް ދުއްވައިގެންފިއެވެ. މަޑު އަޅިކުލައިގެ ބާ ޓީޝާޓްގަނޑަކާއި ކަޅު ހަރުވާޅެއް ލައިގެން ހުރި އިރު، އެ ކުއްޖާގެ ބޮލުގެ އިސްތަށިގަނޑު އޮތީ ހޭވި ތަރުތީބު ގެއްލިފައެވެ. އެ ބޮލުގައި މިއިން ދުވަހަކު ފުނާ ޖައްސާލައިފައި ހުރިހެނެއް ހީނުވެއެވެ. މޫނުމަތީން ވެސް ވަނީ ތެޔޮހިލިފައެވެ. އެހެންނަމަވެސް އެއީ ރީތި ކުއްޖެއްކަން މޫނުމަތީގެ ކިއްސަރާއި ހަށިގަނޑުގެ ބައްޓަން ބުނެދެއެވެ.
އެ ކުއްޖާ ދުއްވައިގަތްތަން ފެނުމާ އެކު، އޭނާގެ ފަހަތުން ރިޟުވާނު ވެސް ދުއްވައިގެންފިއެވެ. “ޝަނޫރާ”އޭ ކިޔައި ހަޅޭއްލަވައިގަންނަމުންނެވެ.
ބޮޑު ބިރެއް ފެނިގެން ދާ މީހެއް ފަދައިން، އިރުއިރުކޮޅާ ފަހަތަށް އެނބުރި ރިޟުވާނާ ދިމާއަށް ބަލަމުން ޝަނޫރާ ކުރިއަށް ދިޔައެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސިހުމާއި ބިރުވެރިކަމެވެ. ނޭވާ ހުރީ ކުރުވެ އަވަސްވެފައެވެ.
ފަހަތަށް ބަލަމުން ދުވެވުނުހައި ބާރަކަށް ޝަނޫރާ ދުވަމުން ދިޔައެވެ. ވަކި ހިސާބަކަށް ދިޔަތަނާ، އޭނާގެ އެއް ފައި ގަނބައިގެންފިއެވެ. ކަކުނިހަރެއް މަތީގައި ފައި އެޅުނީ ކަންނޭނގެއެވެ. އެއާ އެކު އަރިއަޅާލައިފިއެވެ. ބެލެންސް ގެއްލިއްޖެއެވެ. ހަޅޭއްލަވައިގަނެވުނެވެ. އަނގަ ވަތަށް ވެއްޓި ޖެހޭކަށް ގިނަ އިރެއް ނުނެގިއެވެ. އެހެންނަމަވެސް އޭނާ ހިތްވަރު ދުލެއް ނުކުރެއެވެ. އަވަސްއަވަހަށް ތެދުވެއްޖެއެވެ. ފަހަތަށް ބަލައިލި އިރު ރިޟުވާނު ވަރަށް ގާތަށް އަތުވެއްޖެއެވެ. ޝަނޫރާ އަނެއްކާވެސް ދުއްވައިގެންފިއެވެ. އޭރު އޭނާ މޫނުމައްޗާއި މުޅި ގައިގައި ތަތްވެފައި ވަނީ ދޮންވެއްޔެވެ.
“ޝަނޫ! މަޑުކޮށްބަލަ! ކީއްވެތަ ތި ދުވަނީ؟ ކޮންތާކަށްތަ ތި ދަނީ؟ އަހަރެން މޮޔަކުރަން ނޫޅޭ ޝަނޫ!” ޝަނޫރާގެ ފަހަތުން ދުވެފައި އައި ރިޟުވާނުގެ އަޑުގައި ހަރުކަށިކަމުގެ ރަހަ ހިފާން ފަށައިފިއެވެ. އޭނާގެ ދުވެލި ކުރިއަށްވުރެ ހަލުއި ވެސް ކޮށްލައިފިއެވެ. އިސާހިތަކު ޝަނޫރާއާ އޭނާ އަރައި ހަމަކޮށްފިއެވެ.
“ޝަނޫ! މަޑުކޮށްބަލަ!”
ޝަނޫރާއަށް ރިޟުވާނު އޭނާއާ އަރައި ހަމަކޮށްފައިވާ ތަން ފެނިފައި، ބިރުން ރޮއިގަނެވުނެވެ. އެއާ އެކު ރިޟުވާނު އެއްލި އަތުން ޝަނޫރާގެ ކޮނޑުގައި ހިފަހައްޓައިފިއެވެ. ދެން ފެނުނީ ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ދޮންވެލި ގަނޑުމައްޗަށް ވެއްޓި ޖެހުނުތަނެވެ.
ރިޟުވާނު ވަގުތުން، ވަރުބަލިވެ ނޭވާ ކުރުވެފައިވާ ޝަނޫރާގެ ގައިގައި އޮޅުލައިގެންފިއެވެ. އޭރު އެ ދެ މީހުން ތިބީ ވެއްޔާ ތަތްތެޅިފައެވެ. އެހެންނަމަވެސް އެއަކަށް ރިޟުވާނު ނުބަލައެވެ. އޭނާ ޝަނޫރާގެ މޫނުމައްޗާއި ގައިގެ އެތަން މިތަނުގައި ބޮސްދެމުން ގެންދިޔައީ އާވާރާއެއް ފަދައިންނެވެ. އޭރުވެސް ޝަނޫރާ މަސައްކަތްކުރަމުން ދިޔައީ ރިޟުވާނުގެ ކިބައިން ސަލާމަތްވެވޭތޯއެވެ.
“ޝަނޫ! އަޅެ ކިހިނެއް ތި އުޅެނީ؟ ލޯބި ނުފެނިގެން ރިޟޭ އުޅޭތާ ކިހާއިރެއް މިހާރު. ކީއްވެ ރިޟޭއަށް ފިލަން ތި މަސައްކަތްކުރަނީ؟ ރިޟޭ މިހައި ލޯބިން އުޅޭއިރު ތިހެން އުޅޭކަށް ނުވާނެއެއްނު. ހިނގާ އަވަހަށް ގެއަށް ދާން!” ރިޟުވާނު ތެދުވެ ހިންދެމިލައި، ބިންމަތީގައި އޮތް ޝަނޫރާގެ އަތުގައި ހިފިއެވެ. “އަވަހަށް ތެދުވޭ!” ޝަނޫރާގެ މޫނުމަތީގައި ތަތްވެފައި ހުރި އިސްތަށިތައް އެއްފަރާތްކޮށްލައި، މޫނުމަތީން ވެލިތައް ފޮޅައިލަމުން ރިޟުވާނު ވާހަކަ ދެއްކީ ލޯބިންނެވެ.
ރިޟުވާނާ އެކު އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އަޅާކަށް ޝަނޫރާ ބޭނުމެއް ނުވިއެވެ. އޭނާގެ ހިތް ތެޅެނީއެވެ. ހަށިގަނޑު ރޫރޫއަޅަނީއެވެ. ރޮވެނީއެވެ. ގިސްލެވެނީއެވެ.
“އެކަނި ދާން ޝަނޫއަށް އުނދަގުލީތަ؟ އުރާލައިގެން ގެންދަންވީ ދޯ!” ރިޟުވާނު ގުދުވެ އަތްދަނޑިމައްޗަށް ޝަނޫރާގެ ހަށިގަނޑު ނަގައިގަތެވެ. ވަރުބަލިވެ ހަކަތަ ނެތިފައި އޮތް ނަމަވެސް، ގަދަހެދޭތޯ ޝަނޫރާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ރިޟުވާނުގެ ބާރުގަދަ މުލައްދަނޑިން މިންޖުވާނެހައި ބާރެއް އެ ހަށިގަނޑަކު ނެތެވެ.
ޝަނޫރާ ނަގައި ކޮނޑުމަތީގައި ބާއްވާލައިގެން، ރިޟުވާނު ކުރިއަށް ހިނގައިގަތެވެ. އެ މީހުން ދިރުއުޅޭ ޖިފުނޑިގަނޑާ ދިމާއަށެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ޖިފުޓިއަށް ވަނެވެ. އެ ތަނުގައި އަޅާފައި އޮތް ސަތަރިގަނޑު މަތީގައި ޝަނޫރާ މަޑުމަޑުން ބޭއްވުމަށްފަހު ހިންދެމިލިއެވެ. ޝަނޫރާގެ ދެ ލޯ ވަނީ މެރިފައެވެ. އެހެންނަމަވެސް ގިސްލެވެމުންދެއެވެ. ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކާ އެކު މޫނުމަތީގައި ތަތްވެފައި ހުރި ދޮންވެލިތައް ޝަނޫރާ ދޫކޮށް ސަތަރިގަނޑު މައްޗަށް ފައިބަމުންދެއެވެ.
ގޭތެރޭގެ އެކި ދިމަދިމާއަށް އަވަސްއަވަހަށް ރިޟުވާނު ނަޒަރު ހިންގާލިއެވެ. އޭނާ ބޭނުންވެގެން އުޅޭ އެއްޗެއް އަޅައެއް ނުގަތެވެ. އެހެންކަމުން ދުރުދުރުގައި އެޅި ދެތިން ފިޔަވަޅަކާ އެކު، އޭނާ ނިކުތީ ބޭރަށެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި، އެނބުރި އައިސް ވަން އިރު، އަތުގައި އޮތީ ރޯނުގަނޑެކެވެ. އޭނާ އައިސް ޝަނޫރާ ގާތުގައި އިށީނދެ، ޝަނޫރާގެ ދެ ފައި އެއްކޮށް، އެ ރޯނުގަނޑުން ބަންނަންފެށިއެވެ. އެ ހަރަކާތްތަކުގައި ހަރުކަށިކަމެއް ނެތެވެ. ޝަނޫރާ ލޯ ހުޅުވައިލައި ނިކަމެތިކަމާ އެކު އެ މަންޒަރަށް ބަލައިލިއެވެ. އެއާ އެކު ފެނުނީ އޭނާގެ ދެ ލޮލުން ކަރުނަ އޮހިގަތްތަނެވެ. އަނެއްކާ ވެސް ރޮވިއްޖެއެވެ.
“ރިޟޭ މިހާ ލޯބިން އުޅޭއިރު، ޝަނޫ ކީއްވެތަ ރިޟޭއަށް ފިލަން ތި އުޅެނީ؟ ޝަނޫ ދެކެ ރިޟޭ ލޯބިވާ މިންވަރު އިހުސާސެއް ނުކުރެވޭތަ؟ މިއަދު ރިޟޭއަށް ޝަނޫ ނުފެނުނު ނަމަ، ރިޟޭއަށް ވާނީ ކިހިނެއްކަމެއް ވެސް ނޭނގެ. ދެން އެހެން ނޫޅޭތި އިނގޭ! ރިޟޭއަށް ދެރަ ގޮތެއް ވެއްޖިއްޔާ ޝަނޫ ވެސް ކިހައި ދެރަވާނެ! ދޯ!” މަޑުމައިތިރިކަމާއި ލޯތްބާ އެކު ނަސޭޙަތްދެމުން، ޝަނޫރާގެ ދެ ފައި ރަނގަޅަށް ބަނދެއްލައިފިއެވެ. އެއަށްފަހު ދެން ބަންނަންފެށީ ދެ އަތެވެ. ކުރިމައްޗަށް ދެ އަތް ގެނެސް ބަނދެލާފައި، ހިނިތުންވެލަމުން ޝަނޫރާގެ ކޮލަށް ދިނެވެ. ވަރަށް ލޯބިންނެވެ.
“ދެން ނުރޮއި ހުއްޓާލާ! ރިޟޭ ވެސް ނުރޮމެންނު ދޯ! ރިޟޭ ވެސް މިހުރީ ހިނިތުންވެލައިގެނެންނު ދޯ! ޝަނޫ ތިހެން ރޯތަން ފެނުނީމަ ރިޟޭގެ ހިތަށް ވަރަށް ތަދުވެއޭ!” ޝަނޫރާގެ ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ވަރަށް ލޯބިން ރިޟުވާނު ފޮހެލަދިނެވެ. “ވަރަށް ލޯބިވޭ އިނގޭ!” ޝަނޫރާގެ ނިތްކުރިއަށް ބޮސްދެމުން ރިޟުވާނު ބުންޏެވެ.
ރިޟުވާނުގެ އެ ބަސްތަކާއި ހަރަކާތްތަކުން، ޝަނޫރާގެ ހިތުގެ ރިހުން އެތައް ގުނައަކަށް އެރިއެވެ. ހަޔާތަށް މި ލައިގަތީ ކޮން ފަދަ ނާމާން ކޮޅިގަނޑެއް ހެއްޔެވެ؟ އެ ކޮޅިގަނޑުގެ ބިރުވެރިކަން ހިތަށް އެރުމުން، އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރު ވީ ހައްތާ ބޮޑެވެ. ރުއިން ވީ އިތުރެވެ.
“ޝަނޫ! ދެން ހުއްޓާލަބަލަ! ހެޔޮނުވާނެ! ޝަނޫ ތިޔަހެން ރޮންޏާ ރިޟޭއަށް ވެސް ރޮވިދާނެއޭ! ރިޟޭ ރޮއްވަން ޝަނޫ ބޭނުންވަނީތަ؟” ރިޟުވާނު އިނީ ޝަނޫރާގެ ކަރުނައިން ފޯވެފައިވާ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ. “ކީއްވެތަ ތި ރޮނީ؟ އާނ! މާ ބޮޑަށް ބަނޑުހައިވީ ދޯ! އުޅޭ އަވަހަށް ސައިބޯން” ރިޟުވާނު އަވަސްއަވަހަށް ތެދުވިއެވެ. ބޭރަށް ނިކުންނާން ހުރި ދޮރާ ދިމާއަށް ހިނގައިގަތެވެ. ކަރުނައިގެ ތެރެއިން ރިޟުވާނާ ދިމާއަށް ޝަނޫރާއަށް ބަލައިލެވުނެވެ. އޭރު އޭނާއަށް ގިސްލެވެމުން ދެއެވެ.
ރިޟުވާން ގެނައި ތަކެތި ހިފައިގެން އޭނާ ގެއަށް ވަނެވެ. ހިނިތުންވެލައިގެން ހުރެ އައިސް، ޝަނޫރާގެ ގާތުގައި ދެ ފައި ވަށްކޮށްލައިގެން އިށީނދެއްޖެއެވެ. އެއަށްފަހު ގެނައި ކޮތަޅުގެ ގޮށް މޮހައިލައި، ކޮތަޅުގައި ހުރި އެއްޗެހި ނަގަންފެށިއެވެ. ކުޑަ ތަރުމޯޒަކާއި ހަކުރު ކޮތަޅެކެވެ. ޓިޝޫއަކަށް ލައި އޮޅާލައިފައި އޮތް ދެ ބިހެވެ.
އެ ތަކެތި ނެގުމަށްފަހު، ރިޟުވާނު ތެދުވެގެން ހިނގައިގަތީ، ޖިފުޓީގެ އެއް ކަނެއްގައި ހުރި ކަރުދާސް ފޮށިގަނޑަކާ ދިމާއަށެވެ. އެ ފޮށިގަނޑުން ދެ މަގު ހިފައިގެން އައިސް ޝަނޫރާ ގާތުގައި އޭނާ ޖައްސާލިއެވެ.
“ހިނގާ އަވަހަށް ސައިބޯން!” ތަރުމޯޒުގެ މަތި ނެގުމަށްފަހު ދެ މަގަށް ސައި އަޅާން ރިޟުވާނު ފެށިއެވެ. “ޝަނޫ ސައި ނުބޯތީ ރިޟޭ ވެސް އަދި ސައި ނުބޮމޭ!” ގިސްލެވެމުން ދިޔަ ޝަނޫރާގެ މޫނަށް، ރިޟުވާނު ބަލައިލިއެވެ. ހިނިތުންވެލަމުންނެވެ.
“ދެން އަވަހަށް ތެދުވޭ ސައިބޯން!” ދެ މަގަށް ސައި އެޅުމަށްފަހު، ކޯސްޓުދަޅުގެ މަތިނަގައި، އެއިން ކިރިމުކޭކަރު ބިސްކޯދެއް ރިޟުވާނު ނެގިއެވެ.
ޝަނޫރާއަކަށް ނުތެދުވެވުނެވެ. އެހައި ހިތްވަރެއް ނެތެވެ. އެހެންކަމުން ރިޟުވާނުގެ އެހީތެރިކަމާ އެކު އޭނާ ތެދުވިއެވެ. ތެދުވީއެއް ނޫނެވެ. ރިޟުވާނު އޭނާ ނަގައި ބޭންދީއެވެ. އެއަށްފަހު ސައިތައްޓަށް ބިސްކޯދު ޖައްސައި ފޯކޮށްލުމަށްފަހު، ޝަނޫރާގެ އަނގައިގައި ޖެއްސިއެވެ. އެ ވަގުތު ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުން އަނެކާ ވެސް އޭނާއަށް ރޮވިއްޖެއެވެ. ދެ އަތް ނެތް ނުކުޅެދޭ މީހެކޭ އޭނާއެކޭ އެއް ފަދައެވެ.
“ތި އުޅެނީ މިހާރު ކުޑަކުދިން އުޅޭހެން! އަހަރެން މިހައި ހެޔޮކޮށް އުޅޭ އިރު، ތިހެން އުޅޭކަށް ނުވާނެއެއްނު! ރުއިން ހުއްޓާލައިފައި ކުޑަ އެތިކޮޅެއް ނަމަވެސް ކެވޭތޯ ބަލާބަލަ! އެހެންނޫނީ ބަލިވެދާނެ. ޝަނޫ ބަލިވެއްޖިއްޔާ އަހަރެން ކިހައި ދެރަވާނެ! ދެން އަވަހަށް ކާލާ!” ގަދަކަމުން ކަހަލަ ގޮތަކަށް ޝަނޫރާގެ އަނގަޔަށް ރިޟުވާނު ބިސްކޯދު ލަވަންފެށިއެވެ. ޝަނޫރާއަށް އެކަން ވީ އަނިޔާއަކަށެވެ. ކަރުތެރެ ހިކިގެން ގޮސް ހިންދިރުވާލަން ވެސް އޭނާއަށް ވަނީ ދަތިވެފައެވެ.
“ތިހެން އުޅެންޏާ މަގޭގާތަށް ދެން އަންނާނީ އަނެއްކާ ވެސް ރުޅިއެއްނު. ޝަނޫ ބޭނުމީ އެގޮތްތަ؟” ރިޟުވާނުގެ މޫނުމަތީގެ ކުލަވަރު ބަދަލުވާންފެށިއެވެ. އެ ވަގުތު ޝަނޫރާގެ މޫނުމަތިން ފެނުނީ ބިރުގަތުމުގެ އަލާމާތްތަކެވެ. އޭނާއަށް އަވަސްއަވަހަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހަލުވައިލެވުނެވެ.
ރިޟުވާނު ގާތަށް ރުޅިއަތުވެދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުން، އަރުން އެތިކޮޅެއް އެތެރެވޭތޯ ޝަނޫރާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަމެއް ނުދިރުނެވެ. ގަދަކަމުން ދިރުވާން އުޅެން ހަދައިގެން އޯކާދެމެންފެށީއެވެ.
“ޝަނޫއަށް ހީވަނީތަ ޝަނޫ ދެކެ އަހަރެން ލޯބި ނުވަނީއޭ؟” ރިޟުވާނުގެ ދެ ލޯ ބޮޑުވިއެވެ. ދެ ދަތްޕިލަޖެހި ބާރުވިއެވެ. ޝަނޫރާގެ ބޮލުގެ އިސްތަށިގަނޑުގައި އޭނާ ހިފިއެވެ. “އޭން؟ ބުނެބަލަ! ބުނެބަލަ! ޝަނޫ ދެކެ އަހަރެން ލޯބިނުވަނީއޭ ހީވަނީތަ؟” ޝަނޫރާގެ މޫނާއި މޫނު ކައިރިކޮށްލި އިރު، ރިޟުވާނުގެ ދެ ލޯ ހީވަނީ ދެ ކާށިކިބަހެންނެވެ. “އަހަރެން ޝަނޫއަށް ގޯސްތަ؟ އެން؟ މިކަހަލަ ފިރިއަކު ޝަނޫއަށް ލިބޭނެހެން ހީވޭތަ؟” ޝަނޫރާގެ އިސްތަށިގަނޑަށް ރިޟުވާނު ވާންކޮށްލިއެވެ.
“ނޫން!” ވީ ތަދާ އެކު ޝަނޫރާއަށް ދެ ލޯ މަރައިލެވުނެވެ.
“ދެން ކީއްވެ އަހަރެން ކާއެއްޗެއް ދިނީމަ ނުކާން ތި އުޅެނީ؟ އޯކާދެމޭން ތި ފެށީ؟ އެން؟ ޒަހަރެއް ކަމަށްތަ ތި ހީކުރަނީތަ؟” ރިޟުވާނުގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
“އަހަންނަކަށް…… ތިއެއް ނުކެވޭނެ. ރިޟުވާން…… ކާލަންވީނު!”
“ޝަނޫ ނުކައި އިންދާ އަހަންނަށް ކެވޭނެކަމަށް ހީކުރަނީތަ؟”
“އެކަމަކު….. އަހަރެންގެ ބޮލުގައި… ބޮލުގައި ރިއްސަނީ. ކަރަށް ވެސް…. ވަރަށް…. ވަރަށް ބޮޑަށް….. ތަދުވޭ!”
“ކީކޭ؟ ބޮލުގަ ރިއްސަނީއޭ؟ ކަރަށް ތަދުވަނީއޭ؟ އަޅެ ކީއްވެ ކުރީން ތި ވާހަކަ ނުބުނީ؟” ރިޟުވާނު ފުންމައިގެން ތެދުވިއެވެ. “އަންނާނަން ވަރަށް އަވަހަށް ރަށަށް ގޮސް ބޭސް ހިފައިގެން. ވަރަށް އަވަހަށް އަންނާނަން އިނގޭ!” ޝަނޫގާތުގައި އިށީނދެ ކޮލަށް ދޮނެއް ދީފައި، ރިޟުވާނު ގެއިން ނުކުމެއްޖެއެވެ. އަދި އަތިރިމައްޗާ ދިމާއަށް ބާރުބާރަށް ހިނގައިގެންފިއެވެ. ޝަނޫރާ އެ އިން ގޮތަށް އިނދެފައި ސަތަރިގަނޑު މައްޗަށް ވެއްޓިގަތެވެ.
އިރުކޮޅަކުން ފެނުނީ ރިޟުވާނު އެނބުރި އައިސް ވަންތަނެވެ. އަދި ޝަނޫރާގެ އަތާއި ފައިގައި އައްސާފައި ހުރި ތަންތަން ވަރަށް ރަނގަޅަށް ބަލައި، އިތުރަށް ގޮށްތައް ބާރުކޮށްލުމަށްފަހު، ވަރަށް ލޯބިން މޫނުގައި ފިރުމާލައިފައި، އަނެއްކާ ވެސް ހިނގައިގެންފިއެވެ. ރިޟުވާނު ދިޔުމާ އެކު ޝަނޫރާއަށް އަޑުން އަޑު ނަގައި ރޮއިގަނެވުނެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގެންފިއެވެ.
ޝަނޫރާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކަށް މަޑުޖެހުމެއް އަތުވެއްޖެއެވެ. ކަރުނަ ހުސްވީއެއް ނޫނެވެ. ކަރުނައިގެ އެހީގައި އުދާސްތައް ބޭރުކޮށްލުމުން، ކޮންމެވެސް މިންވަރެއްގެ ވަގުތީ ލުޔެއް ހިތަށް ލިބުނީއެވެ. އޭރު އޭނާގެ ކަރުނައިން ފޫދިފައިވާ ދެ ލޯ އަމާޒުވެފައި ހުރީ، ޖިފުޓީގެ ބިތުގައި ޖަހާފައި ހުރި ތޮށަލިތަކަށެވެ. އޭގެ ދުޅައަށެވެ. ވަތްތަކަށެވެ. ކަޅިޖަހައި ނުލެވި އެހެން އޮއްވާ، އޭނާގެ ކަންފަތުގައި ގުގުމަންފެށީ މަރީނާގެ ޒީލަގަދަ އަޑެވެ.
“ޝަނޫރާ! ޝަނޫރާ! ކޮންތާކުތަ ކަލޭ ތި އުޅެނީ؟”
ޝަނޫރާ ހުރީ ބަދިގޭގައި ރޮށިފިހާށެވެ. އޭނާގެ މޫނުމަތިންނާއި ދެ ލޮލުން ވަރުބަލިކަމާއި މާޔޫސްކަން ފެނުނު ނަމަވެސް، އަތްމަތި އަވަހެވެ. ރޮށި ދަމަމުން ފިހަމުން ގެންދިޔައެވެ. އިރުކޮޅަކުން ފެނުނީ، މެދު އުމުރުގެ ހިމަތޮޅި އަންހެނަކު އައިސް ވަންތަނެވެ. އެއީ މަރީނާއެވެ. ޝަނޫރާ ގެންގުޅޭ މީހާއެވެ. ދުރުހުލޭ މީހެކެވެ. އޭނާގެ މޫނުމަތީގައި މި ވަގުތު ވެސް ޖެހިފައި ހުރީ ނުރުހުމުގެ ކުލައެވެ.
“މި ވަރަށް ގޮވާ އިރު ވެސް އަނގައިން ނުބުނެ ދޯ ތި ހުންނަނީ؟” އެ އަޑުގައި ހުރީ ރުންކުރުކަމެވެ.
މަރީނާގެ އެ ވާހަކައަށް ޝަނޫރާ ބަހެއް ނުބުނެއެވެ. ބުނެވޭ އެއްޗަކުން ވެސް މަރީނާ ގާތަށް އަންނާނީ ރުޅިއެވެ. އެންމެ ބުއްދިވެރި ގޮތަކަށް ވާނީ އަނގައިން ނުބުނެވެ.
“އަދި އެ އުޅެނީ އެ ރޮށިކޮޅު ފިހެނުލެވިގެން. މިހާރު އެހެރަ ހަތެއް ޖަހަނީ. ފާއިޒު ސްކޫލަށް ދާ ގަޑި ޖެހެނީ. މި ވަރަށް ގޮވިއިރު ވެސް، އަނގައިން ނުބުނެ ތި ހުރީ ހިތުން މަށަށް ކަލޭ ވީ ތަން ނޭނގޭނެ ކަމަށް ދޯ!”
މަރީނާގެ އެ ވާހަކައަށް ވެސް ޝަނޫރާ ބަހެއް ނުބުނެއެވެ. އޭނާ ރޮށި ފިހަމުން ގެންދިޔައެވެ. މަރީނާ އައިސް ޝަނޫރާގެ ކުރިމައްޗަށް ހުއްޓުނެއެވެ. ރުޅި އައިސް ރަތްވެފައި ހުރެ ޝަނޫރާގެ މޫނަށް ކަޅި ހުއްޓާލިއެވެ.
“އަޅެ ކަލެއަށް މަ މި ކިޔާ އެއްޗެއް އަޑެއް ނީވެނީތަ؟”
“އިވޭ!” ޝަނޫރާ މަޑުމަޑުން ބުނެލިއެވެ.
“އިވެންޏާ އަޑުއަހާ! ކާގޭ މޭޒުމަތީގައި ހުންނާނެ ނަގާފައި ހުރި ހަވާދު ތައްޓެއް. އެ ހިފައިގެން ކަދީދާމެންގޭ ދައި ދޮށަށް ގޮސް، އެ ހަވާދު ތަށި ފުޑައިގެން އާދޭ! މިހެން ބުނީމަ އެ ހިފައިގެން ގޮސް މިއަދު ހަތަރު ދަން އެ ތަނުގައި ހޭދަކުރާނީއެއް ނޫން! ލަސްނުކޮށް އަންނަން ހަނދާން ބަހައްޓާތި!” މަރީނާގެ އަޑުގައި ހުރީ އަމުރުވެރިކަމެވެ. އޭނާ ބަދިގެއިން ނިކުންނަން ހިނގައިގަތުމުން، އިސްއުފުލައި މަރީނާއާ ދިމާއަށް ޝަނޫރާ ބަލައިލިއެވެ. އޭރު އޭނާގެ މޫނުމަތީގައި ހިފާފައި ހުރީ ހިތާމައާއި ފޫހިކަން އެކުލެވިފައިވ ކުލަވަރެކެވެ.
މެންދުރު ކުރީގެ ވަގުތެވެ. އުޑުމަތި ސާފު އެހެނަސް ވައިރޯޅި ހެޔޮ ދުވަހެކެވެ. ގޮނޑުދޮށަށް ފެތުރިފައިވާ ހުދު ވެލިގަނޑާއި ހޭޅިފަށުގައި ހުރި ގަސްތަކަށް އިރުގެ އަލިފާން ދޯދިތައް ދޭ އަނިޔާ، ހިނދެއްހިނދަކަށް އިތުރުކުރަމުން ގެންދިޔަ އިރު، ރިޟުވާނު އިނީ އޭނާގެ ކުޑަ ޑިންގީގައެވެ. ސޯޓަކާއި ޓީޝާޓެއް ލައި، ބޮލުގެ ތޮތްޕެއް އަޅައިގެންނެވެ. ކޮންމެވެސް ތަނަކަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު، އެނބުރި އައިސް ބޯސާބަނދެ ޑިންގީ އަޅައި ނިންމާލީއެވެ. އެއަށްފަހު ޑިންގީން ފުންމާލައިގެން ކަށިމަތިތާފެނުގައި ހިނގާލައިފައި އައިސް، އެއްގަމަށް އަރައިފިއެވެ. މިސްރާބު ހުރީ ގެއާ ދިމާއަށެވެ.
ތަންކޮޅަކަށް ދިޔަތަނާ، ގެއެއްގެ ގޯތިތެރެއިން ކޮންމެވެސް ކުއްޖަކު އޭނާގެ ލޮލުގައި އަޅައިގެންފިއެވެ. އެއާ އެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އުފާވެރިކަން އެ މޫނުމަތީގައި ހިފާލައިފިއެވެ. ތުންފަތްމަތީގައި ދުވެލީ ހިނިތުންވުމެވެ. އޭނާ ވަގުތުން މިސްރާބު ބަދަލުކޮށްލައި، އެ ކުއްޖާއާ ދިމާއަށް ހިނގައިގެންފިއެވެ.
އެ ކުއްޖާ އިނީ އެ ގޭ ގޯތިތެރޭގައި ހުރި، ބޮޑު ދިއްގާ ގަސް ދަށުގައި ހުރި ދައި ދޮށުގައި ހަވާދު ފުނޑާށެވެ. އެ ހިސާބުގައި އިތުރު މީހަކު ފެންނާކަށް ނެތެވެ. ރިޟުވާނު ދިޔައީ އެ ކުއްޖާގެ ފުރަގަހުންކަމަށްވާތީ، އެ ދިމާއަށް މީހަކު އަންނަކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންކަމުން އޭނާ އިނީ އޭނާގެ މަސައްކަތުގެ ތެރޭގައެވެ. ބޭނުންވަނީ އަވަސްކޮށްލައިގެން ގެއަށް ދާށެވެ. ތެލިދެވުމާއި މެންދުރަށް ކެއްކުމާއި ގޭތެރެ ފޮޅައި ސާފުކުރުމަކީ އޭނާގެ ޒިންމާގައި ހުރި، އަދި ނުކުރެވި ހުރި ކަންކަމެވެ.
“ޝަނޫ!”
މީހަކު ގޮވައިލި އަޑަށް އޭނާ އެނބުރި ފަހަތަށް ބަލައިލިއެވެ. ރިޟުވާނަށް ފެނުނީ ޝަނޫރާގެ ވަރުބަލިވެ، ލޮޑުވެފައި ހުރި ދެ ލޮލެވެ. ތާޒާކަމެއް ނެތް މޫނެވެ. ރިޟުވާނު މަޑުމަޑުން ޝަނޫރާގެ ގާތަށް ޖެހިލިއެވެ.
ރިޟުވާނު ފެނުމުން ޝަނޫރާގެ މޫނުމަތިން ގާތްކަމެއް ނުފެނުނެވެ. އޭގެ ބަދަލުގައި ފެނުނީ ފޫހިކަމެވެ. ނުރުހުމެވެ. މި ތަނަށް ތި އައީ ކީއްކުރަންހޭ އަހައިލި ކަހަލައެވެ.
“ތި ވިސްނުން ބަދަލުކުރާކަށް އަދިވެސް ނުވޭތަ؟” ރިޟުވާނު އައިސް ޝަނޫރާގެ ގާތަށް ހުއްޓުނެވެ. “ދުރުހިލޭ ބަޔަކަށް ގުލާނުކޮށްދީގެން، ކިހައި ދުވަހަކު އުޅެން ތި ވިސްނަނީ؟”
ޝަނޫރާ އަނގައަކުން ނުބުނެއެވެ. ދައިމަތީގައި ފެތުރިފައި ހުރި ހަވާދުތައް ކަނާތުގެ ޝަހާދަތް އިނގިލިން އެއްކޮށްލުމަށް ފަހު، އިތުރަށް ހިމުންކުރަން ފެށިއެވެ. އެތާ ކައިރީގައި ހުރި ރަތުރުކެއްގައި ރިޟުވާނު ލެނގިލިއެވެ.
“މަރީނާގެ އަޅެއްގެ ގޮތުގައި މުޅި އުމުރު ހަމަ ހުސްކޮށްލާނީތަ؟”
“މީ އަހަންނަށް އޮތް ގޮތް.” ރިޟުވާނާ ދިމާއަށް ބަލައި ވެސް ނުލައި އިނދެ، މަޑުމަޑުން ޝަނޫރާ ބުނެލިއެވެ.
“ތި ނޫން ގޮތްގޮތް ވެސް އެބަ ހުރި. ޝަނޫ ބޭނުން ނުވަނީނު!” ރިޟުވާނު ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެކަމަކު އަބަދާއި އަބަދު ތިހެން ބުރަ މަސައްކަތުގައި އުޅޭތަން ފެނުނީމަ، މި ހިތަށް ހާދަ ތަދުވޭ! ޝަނޫ އަކަށް އިހުސާސެއް ނުކުރެވޭނެ މި ހިތް ޝަނޫއަށް އެދޭ މިންވަރެއް.” ހިތާ ދިމާއިން މޭގައި ރިޟުވާނު އަތް އަޅައިލިއެވެ.
“ލޯތްބަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން!” ބުނި ގޮތުން ހީވީ ލޯބީގައި ވަރަށް ބޮޑު ނާކާމިޔާބަކާ ޝަނޫރާއަށް ކުރިމަތިލާންޖެހިފައިވާހެން ހީވެއެވެ.
“ޤަބޫލުނުކުރިޔަސް ކުރާނެކަމެއް ނެތް! އަހަރެން ޝަނޫ ދެކެ ވަރަށް ވަރަށް ލޯބިވޭ! ޝަނޫއާ އެކު އުފާވެރި ދިރިއުޅުމެއް އުޅެން އަހަރެން ވަރަށް ބޭނުން!”
ޝަނޫރާ އަނގައަކުން ނުބުނެއެވެ. ފުނޑުނު ހަވާދުކޮޅު އެއްކޮށް ގުޅަވަށާލުމަށް ފަހު ނަގައި، ކަރީގައި ހުރި ބޯތައްޓަށްލުމަށް ފަހު، ނުފުނޑި ބާކީ ހުރި ހަވާދުކޮޅު ދައިމައްޗަށް އަޅައިލިއެވެ. ކައިރީގައި ހުރި ފެންތަށިން ފެންފޮދެއް އަޅައި ފުނޑާންފެށިއެވެ.
“ކީއްވެ އެއްޗެއް ނުބުނީ؟”
“ނެތް ބުނާނެ އެއްޗެއް.” ޝަނޫރާ މާ ގަޔަކާނުވެއެވެ.
“ދެން ކޮންމެވެސް އެއްޗެއް ބުނެބަލަ! ލޯބިވާ މީހަކު ލޯތްބަށް އެދި ކުރާ އާދޭހަށް ބީރުންކަންފަތެއް ދޭކަށް ނުވާނެ!”
“ވަރަށް ލަސްވާތީ މި އުޅެނީ.” ޝަނޫރާ ފުނޑުން ހުއްޓައެއް ނުލައެވެ.
“ތިގޭގަ ނުހުރޭތަ ހަވާދު މުގުރާނެ މިކްސަރެއްހައި ހިސާބު ވެސް؟ ތީ މި ޒަމާނުގައި ތިހައި ބުރަކޮށް ކުރަންޖެހޭކަމެއް ނޫނެއްނު.”
“މަރީނައްތައަކަށް ކަމަކުނުދާނެ ދައިން ފުނޑައިގެން ނޫނިއްޔަކާ.”
“ހާދަ ގޮތް ވެސް ބޮޑު އަންހެނެކޭ ދޯ!” ރިޟުވާނުގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ.
“ރިޟުވާނު ދެން މި ތަނުން ހިނގައިދާނަންތަ؟” މަރީނާއްތައަށް ފެނިދާނެތީ ޝަނޫރާ ކަންބޮޑުވަނީ ކަންނޭނގެއެވެ.
އެ ވަގުތު ދުރުން މަރީނާ އަންނަތަން ރިޟުވާނަށް ފެނިއްޖެއެވެ. ވަރަށް ނުރުހިފައި ބަލައިލާ ކަހަލަ ގޮތަކަށް، މަރީނާގެ މޫނަށް ރިޟުވާނަށް ބަލައިލެވުނެވެ.
“ސާބަސް މީނދަ އަންހެނާ!” މަރީނާގެ ނުރުހުމުގެ އަޑު އިވިފައި ޝަނޫރާ ސިހުނެވެ. “ހަވާދުކޮޅު ފުނޑާލައިގެން އަވަހަށް އަންނަން ބުނީމަ، އައިސް ގަންނަ ގަނޑަކީ ތީ ދޯ! މިހާރު ތި ހަވާދުކޮޅު ހިފައިގެން ގެއިން ނިކުތްފަހުން ކޮން އިރެއް! އަދި ނުނިމޭ! އާނ! ނުނިމޭނެތާ! ތަނަކަށް ފޮނުވިޔަސް ކޮންމެވެސް ފިރިހެނަކު ކައިރިއަށް ލައިގެން، އެ މީހަކަށް ތުއިދެއްކުން ނޫން ކަމެއް ނޯވޭވިއްޔަ! މިވަރުން އަހަންނަށް ކަލޭ ގެންގުޅެވޭނެ؟” ހަރުކަށި ރުޅިވެރި ބަސްތަކުން ފަތިވަރު އަމުނަމުން ދިޔައިރު، މަރީނާގެ ނަޒަރު ހުއްޓިފައި ހުރީ ޝަނޫރާއާ ދިމާއަށެވެ. ޝަނޫރާ އިސް އުފުލައި ވެސް ނުލައި ފުނޑާން އިނެވެ.
“މީހަކަށް ކައި އެތިކޮޅެއް ދެވުނޭ ކިޔާފަ ތި ފާޑަށް ބަވާކަށް ނުޖެހޭނެ!” އެއްޗެއް ނުބުނެ ހުންނާން ރިޟުވާނަކަށް ފަސޭހައެއް ނުވިއެވެ.
“މީ ކަލެއަކާ ބެހޭކަމެއް ނޫން.” ރިޟުވާނާ ދިމާއަށް މަރީނާ ކަޅިއަޅައިގަތެވެ.
“މަށާ ބެހެވޭނެ! ކީއްވެ ނުބެހެވެންވީ؟” ރިޟުވާނު ކުރިއަށް ޖެހިލިއެވެ.
ރިޟުވާނު ވާހަކަ ފެށިގޮތުން ޝަނޫރާގެ ކަންބޮޑުވިއެވެ. އޭނާގެ މޭ ތެޅެމުންދަނީ ވަރަށް ބާރަށެވެ. މަރީނާއްތަ ހުރިހައި ރުޅިއެއް ފަހުން ބާލާނީ އޭނާއަށްކަން އެނގޭތީއެވެ.
“ބުނަންތަ ރަނގަޅު ވާހަކައެއް؟ އެހެންމީހުންނަށް ގޮތް ކިޔައިދޭން ނޫޅެ، އަމިއްލަ ހަށިގަނޑުގައި ހުރި ކުނި މިލަތައް ފިލުވޭތޯ ގޮސް ބަލާބަލަ! ލަދެއް ހަޔާތެއް ނެތި، އެހެން މީހުންނާ ދިމާއަށް އަނގަހުޅުވާ އިރު، ކިޔަވަން މާލެ ފޮނުވީމަ ތެޅުނު ވައްތަރު ހަނދާން އެބަ ހުރިތަ؟” ވަރުގަދަ ބަހަކުން ރިޟުވާނުގެ ގައިގައި ޖަހާފައި، އެ ރުޅިގަނޑުމަތީގައި އެނބުރި އައިކޮޅަށް މަރީނާ ހިނގައިގެންފިއެވެ.
މަރީނާގެ މި ރައްދާ އެކު ރިޟުވާނުގެ ލޭ ކެކިގަތެވެ. ހަށިގަނޑު ރޫރޫއަޅައިގަތެވެ. ދެ އަތް މުށްކެވުނެވެ. ބޮލަށް ފާޑެއްގެ ގޮތެއްވިއެވެ. ވަގުތުން ދެ ލޯ މަރައި ފިއްތާލެވުނެވެ. ލެނގިގެން ހުރި ރުކަށް މުޅިހަށިގަނޑުގެ ބުރަދަން ދޫކޮށްލެވުނެވެ. އެއާއެކު އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ، އޭނާގެ އުމުރުން އެންމެ ބާރަ ވަރަކަށް އަހަރުގެ މާޒީއެވެ. ހަނދާނަށް ގެންނަން ބޭނުންނުވާ ހިތި ހަނދާންތަކެކެވެ.
ރިޟުވާނަށް ފެންނަނީ ކުލަ ނެތް މަންޒަރުތަކެކެވެ. ބަންދުކޮށްފައިވާ ކޮޓަރިއެއްގެ ތެރެއެވެ. އެ ކޮޓަރި އޭނާއަށް ފެންނަނީ، ހުޅުވާފައި ހުރި ފެންލައިޓަކުންނެވެ. އެ ތަނުގައި ތިބީ މެދު އުމުރުގެ ފިރިހެނަކާއި އަންހެނެކެކެވެ. އެ އަންހެން މީހާއަކީ އޭނާގެ މަންމައެއްގެ މަގާމުގައި އެ ދުވަހު ހުރި މީހާއެވެ. ފިރިހެންމީހާއަކީ ކާކު ކަމެއް ނޭނގެއެވެ. އެއީ ރިޟުވާނުގެ ލޮލަށް އުނދަގޫ ކުރި، އެހެނަސް ތަކުރާރުވަމުން ދިޔަ މަންޒަރެކެވެ. އެ ހުތުރުކަން ބޮޑު މަންޒަރު ސިފަވާން ފެށުމާ އެކު އޭނާ އަވަސްއަވަހަށް ލޯ ހުޅުވައިލިއެވެ. ފުންފުން ނޭވާތަކެއްލައި ހަމައަކަށް އެޅޭތޯ މަސައްކަތްކުރިއެވެ.
ގޭ ދޮރުމަތީގައި ހުރި ޖޯލިފަތީގައި ހައްވަ އިނީ، އުނގުމަތީގައި ދޮލަނގެއް ބަހައްޓައިގެން ވަޅޯމަސް ކިބައެއް ކޮށާށެވެ. އިރުކޮޅަކުން ފެނުނީ ރިޟުވާނު އަންނަތަނެވެ. ރިޟުވާނު ފެނުމާ އެކު، ހައްވައަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާއަށް ފާހަގަކުރެވުނީ ރިޟުވާނުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެފައިވާ ތަނެވެ. ކަމަކާ ވަރަށް ބޮޑަށް ނުރިހިފައި، ނޫނީ ދެރަވެފައި ހުރިކަން އެނގުނެވެ.
“ދަރިފުޅާ! ކޮންތާކުން ތި އައީ؟” ހައްވަގެ އަޑުގައި ހުރީ އޯގާވެރިކަމާއި މަޑުމައިތިރިކަމެވެ
ހައްވަގެ އަޑެއް ރިޟުވާނަކަށް ނީވެއެވެ، ނޫނީ އިވޭ ކަމަކަށް ނުހެދީއެވެ. ހައްވައާ ދިމާއަށް ބަލައި ވެސް ނުލައި، އެ ދިޔަގޮތަށް ގޮސް ވަނީ ގެއަށެވެ. ހައްވައަށް އިނދެވުނީ ބަލާށެވެ. އިރުކޮޅަކުން ހައްވަގެ ކަންފަތުގައި ޖެހުނީ، ވަރަށް ބާރަށް ދޮރު ލެއްޕި އަޑެވެ. ކޮންމެވެސް ކަންތައްގަނޑެއް ލައިގަތީކަން ހައްވައަށް ކަށަވަރުވިއެވެ. އެ ވަގުތު ފުންނޭވާއެއް ދޫކޮށްލަމުން، ހައްވައަށް ބޯ ހަލުވައިލެވުނެވެ. އަދި ތެދުވެ މަސް ދޮލަނގު ޖޯލީގައި ބަހައްޓާފައި، ގެއާ ދިމާއަށް ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް ރިޟުވާނުގެ ކޮޓަރީ ތަޅުގައި ހިފައިލިއެވެ. ހުރީ ތަޅުލާފައެވެ.
“ދަރިފުޅާ! ކިހިނެއްތަ ވީ؟ ކޮންކަމަކާތަ ހިތްހަމަނުޖެހިގެން ތި އައީ؟” ހައްވަ ޓަކިޖަހައިލަމުން ގޮވައިލިއެވެ.
“ދެން ނޭނގެ މަށަކަށް! މަރީނައްތަ ހިތްހަމަޖެހޭ ގޮތަށް އެއްކަމެއް ވެސް މަށަށް ކުރެވޭކަމަކަށް ނުވޭ! އަބަދުވެސް ހަޅޭއްލަވާނީ.” ޝަނޫރާގެ ދެ ލޮލުން ކަރުނަ ހިލުނެވެ.
ޝަނޫރާ އިނީ އޭނާގެ އެކުވެރި އައިސްތުއާ އެކު، އެ ގެއާ ދިމާ އަތިރިމަތީ ދޮންވެލިގަނޑުމަތީގައެވެ. އޭރު އެ ދުވަހުގެ އިރު އޮއްސުމަށް ޓަކައި ދަތުރު އަވަސްކުރަމުން ގެންދެއެވެ.
“ކުރީ ދުވަހު ވެސް އެ އުޅޭ ހައްވައްތަގެ ރިޟުވާނު މަރީނައްތައާ ދިމާއަށް އެއްޗެއް ބުނީތީ، ގެއަށް ގޮސް ހުރިހައި ވަރެއް ބޭލީ މަށަށް.”
“ރިޟުވާނު އެއްޗެއް ބުންޏޭ ކިޔާފަ ޝަނޫއަށް ވަރުބާލަންޖެހޭތަ؟” އައިސްތުގެ މޫނުމަތިން ފެނުނީ ނުރުހުމެވެ.
“ވީ ގޮތަކީ މަގޭ ދިފާޢުގައި އޭނަ އެ ބުނި އެއްޗެއް ބުނީ. އެހެންވެ،”
“މަރީނައްތަ ކީއްވެތަ ޝަނޫ ދެކެ އެހައި ރުޅިއެއް އެ އަންނަނީ؟ ތީ ހަމަ އެއް ލެޔެއްނނު!”
“މަންމަ ދެކެ އަންނަ ރުޅި މަށަށް ވެސް އެ ބާލަނީ.”
“އަހަރެމެންގޭގައި ނިދޭނެ ގޮތެއް އޮތް ނަމަ، ޝަނޫ އުޅޭނީ އަހަރެމެންގޭގަ. އެކަމަކު ކީއްކުރާނީ؟” އައިސްތުގެ ހިތުގައި ޝަނޫރާއާ މެދު ހަމްދަރުދީ އުފެދުނެވެ.
“މަންމައާއި ބައްޕަ ދުނިޔޭގައި ތިބި ނަމަ މިހާލުގަ އުޅޭކަށް ނުޖެހުނީސް ކަންނޭނގެ ދޯ!” ކަރުނައިން ތެމިފެއިވާ ދެ ލޮލުން، އައިސްތުގެ މޫނަށް ޝަނޫރާ ބަލައިލިއެވެ.
“އެހެންވީމައޭ މަ މި ކިޔަނީ އަވަހަށް މީހަކާ އިންނާން އުޅޭށޭ!”
“މީހަކާ އިންނަން އުޅެގެން އެކަމެއް ވެސް ނުވިއެއްނު.” ޝަނޫރާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. “ސާމީ ވެސް އިންނާނަމޭ ކިޔައިފަ އެހެރީ ހެދި ގޮތް.”
“އެއް ސާމީ ނެތިއްޔާ އަނެއް ސާމީ ހުންނާނެ. ދުނިޔެ އުމުރު ތިހެން މީހުންނަށް ގުލާނުކޮށްދީގެން އުޅެން ނުވިސްނާ! ޝަނޫއަށް ހަމަޖެހުމެއް ލިބޭނީ ދިރިއުޅުމެއް ފެށިގެން.”
“އެކަމަކު ދެން ކާކުތަ މަށާ އިންނާނީ ވެސް.”
“ރިޟުވާނު އެ ހުންނަނީ އާދޭސްކޮށްކޮށެއްނު!”
“އޭނަ މާ ރުޅިގަދައީ. އެހައި ރުޅިގަދަ މީހުންނާ އިނދެގެން އުޅޭކަށް ފަސޭހައެއްނުވާނެ! އެހެންނޫނަސް……..”
ވާހަކަ މިހައި ހިސާބަށް ދިޔަތަނާ، ޝަނޫރާގެ ލޮލުގައި އަޅައިގަތީ މަރީނާ އެ ދިމާއަށް އަންނަ ތަނެވެ. އަންނަ ގޮތުން ވެސް އެ އަންނަނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެންކަން އެނގެއެވެ.
“އެބަ އާދޭ މަރީނައްތަ؟ އަހަރެން ނުކުމެލިކަން އެނގުނީކަންނޭނގެ!” ޝަނޫރާގެ ހިތް ތެޅިގަތެވެ.
“މާތްކަލާކޯ! ހީވަނީ ތަނެއްގައި ރޯވެގެން އަންނަހެން.” އައިސްތުގެ މޫނުމަތީން ފެނުނީ ނުރުހުމެވެ.
އާދައިގެ މަތިން މިއަދު ވެސް ފަތިސް ނަމާދުކޮށް ނިމިގެން ޝަނޫރާ ނިކުތީ ގޯތިތެރެ ކުނިކަހައިލާށެވެ. ގޯތިތެރެ ކުނިކަހައި ނިމުނު އިރު އިރުއަރައި ރަށުތެރެ އަލިވެއްޖެއެވެ. ގެއާ ދިމާ މަގުމަތި ކުނިކަހަން އޮއްވާ، އެ މަގުން ހައްވަ އަންނަތަން ފެނިއްޖެއެވެ. ހައްވަ އަޅާފައި ވަނީ ހުދު ބުރުގާއެކެވެ. ކިހިލީގައި އޮޅާލައިފައިވާ މުސައްލައެއް އޮތެވެ. ޝަނޫރާއަށް ހައްވަ ފެނުނީ ހައްވަ އޭނާއާ އަރައި ހަމަވިފަހުންނެވެ. ޝަނޫރާ ބަލައިލުމުން ހައްވަ ހިނިތުންވެލިއެވެ.
“ކުނި ކަހައި ނިންމާލީ ދޯ!”
އާނ! މި ނިމެނީ.” މޫނުމަތީގައި އުފުލިފައި ހުރި ދާ ތިކިތައް އަތުން ފުހެލަމުން، ޝަނޫރާ ހިނިތުންވެލިއެވެ.
“ކޮބާ މަރީނައްތަ؟”
“އަދި ނުނިކުމޭ!”
“ދައްތަ އެބަ އޮތް ޝަނޫރާ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފަ.”
“ކޮން ވާހަކައެއް؟” ހައްވަ ދައްކަން އެ އުޅޭ ވާހަކަ ޝަނޫރާއަށް ލަފާކޮށްލެވުނެވެ.
“ދައްތަ ވަރަށް ބޮޑަށް އެދެން މި ކަމަށް އިންކާރު ނުކުރުމަށް”
ހައްވަގެ މި ޖުމުލައާ އެކު ޝަނޫރާ އިސްއުފުލައި ހައްވަގެ މޫނަށް ބަލައިލެވުނެވެ.
“އެނގޭދޯ އަހަރެމެންގޭ ރިޟުވާނު؟”
އާނއެކޭ ބުނުމުގެ ގޮތުން ޝަނޫރާ ބޯޖަހައިލިއެވެ.
މިހާރު އޭނާގެ އުމުރުން ފަންސަވީސް އަހަރު ފުރިއްޖެ. އޭނަ މީހަކާ ނީނދެގެން ދައްތަމެން މި ތިބެނީ ވަރަށް ކަންބޮޑުވެފަ. އޭނައަށް ކަމުދާ ކުއްޖަކު މިހައި ދުވަސް ވީއިރު ވެސް ފެނުނު ކަމަށް ނުވި. އެކަމަކު ޝަނޫރާ އޭނާއަށް ވަރަށް ކަމުގޮސްގެން އުޅެނީ. އެކޮއި ތިހާލުގަ ނޫޅެ އޭނައާ އިނދެގެން އަހަރެމެން ގެއަށް ދާންވީނު.”
ޝަނޫރާ ހުރީ ބުނާނެ އެއްޗެއް ނުވިސްނިފައެއް ނޫނެވެ. ހައްވަގެ ކުރިމަތީގައި، އެ ކަމަށް އިންކާރުކުރަން ނުކެރިފައެވެ.
“މި ވަގުތު މި ކަމަށް އެއްޗެއް ނުބުންޏަސް ދައްތައަށް އެންމެ ރަނގަޅު. މި ކަމާދޭތެރޭ ވިސްނައިލާފަ، ފަހުން ޖަވާބެއް ދީ! މީ ދައްތަ ވަރަށް އެދޭ ކަމެއް.” ޝަނޫރާގެ ބޮލުގައި ލޯބިން ފިރުމާލައިފައި ހައްވަ ހިނގައިގެންފިއެވެ.
ހައްވަ އެ ވާހަކައެއް ދެއްކި ފަހުން، ޝަނޫރާއަށް އެ ކަމާ ދޭތެރޭ މާ ބޮޑަށް ވިސްނޭން ފަށައިފިއެވެ. އެ ވާހަކަ ދައްކާފައި އެނބުރި ދަމުން ޝަނޫރާގެ ބޮލުގައި ހައްވަ ފިރުމާލި ފިރުމާލުމަކީ ވެސް، އޭނާގެ ހިތުގައި ހައްވައާ މެދު ލޯތްބެއް އުފެދުނު ކަމެކެވެ. މަންމަ ނިޔާވި ފަހުން ފާއިތުވެ މި ދިޔަ އަށެއްކަ އަހަރުގެ ތެރޭގައި، އެ ގޮތަށް އޭނާގެ ގައިގައި މީހަކު ފިރުމައި ނުލައެވެ.
އުނދުން މަތީގައި ހުރި ބަތްތަވާ ބޮކިޖަހާފައި ކެކެމުން ދެއެވެ. ޝަނޫރާއަށް އިނދެވުނީ ވިސްނާށެވެ. ހައްވައަށް ދޭނެ ޖަވާބަކާ ދޭތެރޭގައެވެ. ރިޟުވާނު ދެކެ އޭނާ، އެއްގޮތަކަށް ވެސް ލޯތްބެއް ނުވެއެވެ. އިންނާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އަދި ވެސް ސާމީއަށް އިންތިޒާރުކުރާށެވެ. އެކަމަކު ވުޖޫދުގައި ނެތް އެއްޗަކަށް އެދި، ކިތަންމެ ދުވަހަކު އަތް ދިއްކޮށްގެން ހުއްޓަސް، އެ އެއްޗެއް އަތަކަށް ނާރާނެއެވެ.
ޝަނޫރާގެ ފިކުރު އެކި ފަހަރު އެކި ދިމާއަށް މިސްރާބު ޖަހަމުން ދެއެވެ. ހައްވައަކީ ހާދަ ރަނގަޅު މީހެކެވެ. އެ ފަދަ މަންމައެއްގެ ހިޔާވަހިކަމުގައި އިންނާން ހާދަ ބޭނުމެވެ. ރިޟުވާނާ އިނދެފިއްޔާ އެ އުފާ ލިބޭނެއެވެ. ހަދަންވީ ކިހިނެއް ބާވައެވެ؟ އާނއެކޭ ބުނާންވީ….
“އޭތް! އޭތް! މަށަށް ކޮން ޖެއްސުމެއް ތި ކުރަނީ؟” ޚިޔާލުގެ ދުނިޔޭގައި އިން ޝަނޫރާ ސިހުނީ މަރީނާ ހަޅޭއްލަވައިގަތް އަޑަށެވެ. އެ ވަގުތު އޭނާގެ ނޭފަތުގައި ވެސް، ވަސް ޖެހިއްޖެއެވެ. ބަތްތަވާ އެނދީކަން ކަށަވަރެވެ. ޝަނޫރާއަށް ފުންމައިގެން ތެދުވެވުނެވެ.
“ނިކަން ބަލައިބަލަ ހުންނަ ނުލަފާކަން! މިތާ ބަލަން އިނދެ، އެއޮއް ބޮޑު ބަތްތަވާ ތި ދުންގަންނުވައިލީ.” މަރީނާ ރުޅި އައިސް ރަތްވެފައި ހުރެ އުނދުންމަތީގައި ހުރި ބަތްތަވާ އުނދުންމަތިން ބޭލިއެވެ. “ކިތައް ލާހި ހަނޑޫ ތި އަންދާލީ. ކަލޭގެ އަމާތަ ނޫނީ ބަފާތަ މި ގެއަށް އެއްޗެހި ގަންނަނީ؟” މަރީނާގެ އެ ވިހަ ގަދަ ޖުމުލައާ އެކު، ޝަނޫރާގެ ހިތަށް ތަދުވިއެވެ. ދެ ލޮލުން ކަރުނަ ހިލުނެވެ.
“ދެން މަށަކަށް ކަލެއެއް ނުބެލޭނެ! ވަރަށް ކެތް ކުރެވިއްޖެ! ކަލޭ ގެންގުޅެން ހަދައިގެން އަހަރެން މޮޔަވެދާނެ! ދާން އުޅޭ!” ޝަނޫރާގެ ބުރަކަށީގައި އަތް އަޅައި ކޮށްޕާލަމުން މަރީނާ އަމުރުކުރިއެވެ. “ކުރީ ދުވަހުވެސް ތަށިތައް ދޮންނަން ބުނީމަ ތަށްޓެއް ތަޅައިލީ. އަނެއް ދުވަހު އިސްތިރިކުރަން ހުރެފައި މަގޭ ހެދުން ވިރުވާލީ. މީ ހަމަ ގަސްތުގައި ކުރާ ޖެއްސުމޭ! އެހެންނުވާނީ! މީނަގެ އަތުން ޚަރަދުވާ ފައިސާއެއް ނޫން ވިއްޔަ!”
މަރީނާ އައިސް އެއްޗެހި ކިޔާންފެށި ގޮތުން ޝަނޫރާއަށް ރޮވިއްޖެއެވެ. މި މަންޒަރު ފެނިފައި މަރީނާގެ ރުޅި އިތުރަށް ގަދަވި ކަހަލައެވެ.
“ދާން އުޅޭށޭ ބުނީމަ އަދިވެސް މި ތާ ރޯން ހުންނަނީތަ؟ ހަމަ މިހާރު ނިކުމޭ!”
ދެ ލޯ ފޮހެމުން ބަދިގެއިން ނިކުތުމަށް ޓަކައި ޝަނޫރާ ހިނގައިގަތެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް މަގަށް ނިކުތީ، ދާނެ ތަނެއް ހުރެގެނެއް ނޫނެވެ. އެ މީހެއްގެ ގެއިން އެ މީހަކު ނެރުނީމާ،ނިކުތުން ނޫން ގޮތެއް ނޯންނާނެކަން ގަބޫލުކުރެވޭތީއެވެ.
“ޝަނޫ! ކިހިނެއްވީ؟ ކީއްވެ ގެއިން ނެރުނީ؟” މަގުގެ އެއް ފަރާތުގައި މަޑުކޮށްލައިގެން ޝަނޫރާ ހުއްޓާ، ޝަނޫރާ ގާތަށް އައިސް ހުއްޓުނީ ރިޟުވާނެވެ. އޭނާ އެ އައީ އޭނާ ގާތުގައި މީހަކު އެ ވާހަކަ ބުނުމުންނެވެ.
ރިޟުވާނުގެ އެ ޖުމުލައާ އެކު ޝަނޫރާއަށް ރޮވިއްޖެއެވެ. ނުރޮއި ހުރެވޭތޯ އޭނާ ވަރަށް ކެތްކުރިއެވެ. ހިތްވަރުކުރިއެވެ. އެހެންނަމަވެސް ކެތް ނުވީއެވެ. އަމިއްލަ ހާލަތު ވަޒަންކުރެވެމުން، މާ ބޮޑަށް ހިތުގައި ޖެހުނީއެވެ.
ޝަނޫރާގެ ދެ ލޮލުން އޮހިގަތް ކަރުނަތައް ފެނިފައި، ރިޟުވާނުގެ ހިތުގައި ޝަނޫރާއާ މެދު ހަމްދަރުދީ އުފެދުނެވެ. އެ ދެ ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ބޭރުވާތަން ދެކޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ރިޟުވާނުގެ ހިތުގައި މަރީނާއާ މެދު ރުޅިވެރިކަމުގެ ބިޔަ ރާޅުތަކެއް އުފެދުނެވެ.
“ކޮންކަމަކާ ގުޅިގެން ގޭން ނެރުނީ؟” ރިޟުވާނު އެ ސުވާލު ތަކުރާރުކޮށްލިއެވެ. އެހެންނަމަވެސް ޝަނޫރާއަކަށް ޖަވާބެއް ނުދެވުނެވެ.
“ހިނގާ ރިޟޭމެން ގެއަށް ދާން!”
“އާނ! އަވަހަށް އޭނަ ގެންދޭ ތި ގެއަށް. މަށަކަށް ދެނެއް އޭނައެއް ނުބެލޭނެ!” ގޭ ދޮރު ހުޅުވާލުމަށް ފަހު، އަތުގައި އޮތް ރަތް ކޮތަޅެއް ޝަނޫރާއާ ދިމާއަށް އެއްލަމުން، މަރީނާ ހަރުކަށި ރާގަކަށް ބުންޏެވެ.
ރިޟުވާނު އެ ކޮތަޅު ނެގިއެވެ. އޭގައި ހުރީ ޝަނޫރާގެ އަންނައުނުކޮޅެވެ. މާ ގިނަ އެއްޗެއް ނެތެވެ.
“ތީ ހާދަ ރަޙުމެއް ވެސް ނެތް މީހެކޭ!” ރުޅިވެރިކަމާ އެކު މަރީނާއާ ދިމާއަށް ރިޟުވާނަށް ބަލައިލެވުނެވެ.
“ކަލޭ ތީ ކާކު؟ ކަލެއަކަށް ނުޖެހޭނެ މަށާ ދިމާއަށް އެއްޗެހި ކިޔާކަށް.”
“މީ ކާކުކަން ދައްކާލަންވީތަ؟ ތީ ވަރަށް ގޮތެއް ނެތް ނުލަފާ މީހެއް!” އައި ރުޅިގައި ޝަނޫރާގެ އަތުގައި ހިފައިގެން ރިޟުވާނު ހިނގައިގަތެވެ. “ހިނގާ ދާން! މި ގެ ނޫނަސް ޝަނޫ ދާނެ ގޭގެ ހުންނާނެ!”
ރިޟުވާނުމެން ގެއަށް ޝަނޫރާ ދިޔުމުން، އޭނާއަށް މަރުޙަބާ ކީ، ރިޟުވާނުގެ މަންމަ ހައްވައާއި ބައްޕަ ސަޢީދެވެ. އެ ދެމަފިރިންގެ މޫނުމަތިން ޝަނޫރާއަށް ފެނުނީ ލޯތްބެވެ. އޯގާވެރިކަމެވެ. އުފަން މަންމައަކާއި ބައްޕައެއްގެ ކިބައިން ވެސް ފެންނާނީ، އެ ފަދަ ގާތްކަމަކާއި ލޯތްބެކެވެ. ޝަނޫރާގެ ހިތަށް ވަރަށް ބޮޑު ލުޔެއް ލިބުނެވެ. އޭނާގެ ނަސީބު އޭނާގެ އަތުގައި ހިފީކަމަށް ގަބޫލުކުރެވުނެވެ.
ޝަނޫރާ އެ ގެއަށް ބަދަލުވިތާ ނުވަވަނައަށް ވީ ދުވަހު، ރިޟުވާނާއި ޝަނޫރާގެ ކައިވެނި ކުރެވިއްޖެއެވެ. ޝަނޫރާ ވެސް ބޭނުންވެގެންނެވެ. ކައިވެނީގެ ކުރިން އޭނާގެ އެކުވެރި އައިސްތުއާ މަޝްވަރާކުރިއެވެ. އައިސްތު ވެސް ބުނީ އެއީ މިހާރު ޝަނޫރާއަށް އޮތް އެންމެ ރަނގަޅު ގޮތްކަމުގައެވެ.
އާދައިގެ ކުޑަކުޑަ ސަޔަކަށް ފަހު ކައިވެނީގެ ވަލީމާ ވެސް ނިމިއްޖެއެވެ. ވަލީމާގައި އައިސްތުއަށް ބައިވެރި ނުވެވުމުން ޝަނޫރާ ވަރަށް ދެރަވިއެވެ. އެހެންނަމަވެސް މާމަ ބަލިވެގެން އައިސްތުއަށް ކުއްލި ގޮތަކަށް މާލެދާން ޖެހުނީއެވެ. މިހާރު އައިސްތު ވީ މާމަ ގޮވައިގެން އިންޑިޔާގައެވެ.
ޝަނޫރާއާ އިނދެވުމުން ރިޟުވާނު ހީވަނީ އުފަލުން މަރުވެދާނެ ހެންނެވެ. ދުނިޔޭގައި އޮތް އެންމެ އަގު ބޮޑު ޖަވާހިރު ލިބުމުން ވެސް، މީހަކު އެހައި އުފާވެދާނޭ ހެނެއް ހިޔެއް ނުވެއެވެ. އުފަލުން ގޮސް އެ ދުވަހު އޭނާއަށް އުޅެވޭ ނޫޅެވޭ ގޮތް ވެސް ނޭނގެއެވެ. އަބަދު ހުންނަނީ ހިނިއައިސް ދިލިފައެވެ. އޭނާގެ އެ އުފާވެރި މޫނު ފެނިފައި، ހައްވައާއި ސައީދުގެ ހިތަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ.
ކައިވެނިކުރިތާ ތިންވަނައަށް ވީ ދުވަހު ހެނދުނު ހެނދުވާ ޝަނޫރާ ގޮވައިގެން ރިޟުވާނު ފުރައިފިއެވެ. އޭނާގެ ބައްޕަ ލިޔުއްވާފައި އޮންނަ ފަޅުރަށަށެވެ. ކައި އެއްޗެހި ވެސް ހިފައިގެންނެވެ. ދެ މީހުން ގޮސް ފުރަތަމަ އަތިރިމަތީގައި ތިބެ ސައި ބުއީއެވެ. ރޮއްޓާއި މަސްހުންޏާއި ކަޅުސަޔެވެ. ސަޔަށްފަހު ދެ މީހުން ހޭޅިފަށުގައި ޖައްސައިލީއެވެ. ޝަނޫރާ ބޯ އަޅައިގެން އޮތީ ރިޟުވާނުގެ އަތް މަތީގައެވެ. ދެ މީހުން ތިބީ އެކަކު އަނެކަކާ ކުރިމަތިވާ ގޮތަށެވެ. މުނާއި މޫނު، ލޮލާއި ލޯ، ނޭފަތާއި ނޭފަތް ވަނީ ދިމާވެފައެވެ. އެކަކުގެ ހޫނު ނޭވާ އަނެކަކުގެ މޫނަށް އެޅެމުންދެއެވެ. ޝަނޫރާގެ މީރު ނޭވާ ރިޟުވާނުގެ މޫނަށް އެޅެންފެށުމާ އެކު، އޭނާގެ ހިއްސުތައް ހޭލައި އުޅާހަށްދެމިލައިފިއެވެ. އިރުކޮޅަކުން ފެނުނީ ކުރިއަށް ވުރެ ވެސް ބޮޑަށް ޝަނޫރާއާ ކައިރިވެލިތަނެވެ. މޫނާއި މޫނު ޖެހިއްޖެއެވެ. ދެ ހަށިގަނޑު އެއް ހަށިގަނޑަކަށްވެއްޖެއެވެ. ހޭޅިތެރޭގައި ހުރި ފުނަގަހަކަށް އައި ކުއްލި ހަރަކާތް، އެ ދެ މީހުންނަކަށް ފާހަގައެއް ނުކުރެވުނެވެ.
ގަޑިއެއްހައި އިރުގެ ފަހެވެ. ޝަނޫރާއާއި ރިޟުވާނު ގޮނޑުދޮށުން ރާޅުފެނުގައި ހިނގާލާފައި އަންނަތަން ފެނިއްޖެއެވެ. ރިޟުވާނު ހުރީ ޝަނޫރާގެ އުނަގަނޑުގައި ކަނާތުން ހިފަހައްޓައިލައިގެންނެވެ. ޝަނޫރާ ހުރީ ރިޟުވާނުގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ.
“ވަރަށް ވަރުބަލި ވެއްޖެ! ހިނގާ މިތާ ޖައްސާލަން!” ވަކި ހިސާބަކަށް އައިސްފައި، ރިޟުވާނުގެ މޫނަށް ބަލައިލަމުން ޝަނޫރާ ބުންޏެވެ. ހަގީގަތުގައި ވެސް ޝަނޫރާގެ މޫނުމަތިން ވަރުބަލިކަން ވަރަށް ބޮޑަށް ފެނެއެވެ.
“ޝަނޫ ބޭނުން ގޮތެއް. ހިނގާ އިށީންނަމާ! ރިޟޭ ވެސް ވަރަށް ލޮޑުވެއްޖެ!” ލާނެތް ގޮތަކަށް ހިނިތުންވެލަމުން، ޝަނޫރާގެ އަތުގައި ހިފާލައިގެން އެއްގަމަށް ރިޟުވާނު ހިނގައިގަތެވެ. ގަހެއްގެ ހިޔަލުގައި ރިޟުވާނު އިށީނދެ، އޭނާގެ އުނގުގައި ޝަނޫރާ ބޭންދިއެވެ.
“ބަނޑުހައެއް ނުވޭތަ؟” ޝަނޫރާގެ އަތުގައި ފިރުމައިލަމުން ރިޟުވާނު އަހައިލިއެވެ.
“ކުޑަކޮށް ވެއްޖެ!”
“އިރުކޮޅަކުން ކުރުނބާ ބޯނީ ދޯ!”
ޝަނޫރާ ބޯޖަހައިލިއެވެ/
“ވާހަކައެއް އަހައިލަންތަ؟”
“އާނ! އަވަހަށް އަހާ! ޝަނޫ ބޭނުން ކޮންމެ ވާހަކައެއް ވެސް ހަމަ އަހަންވީ.”
“ކުރީ ދުވަހަކު ރިޟުވާނާ ދިމާއަށް މަރީނައްތަ އެ ބުނީ ކީކޭތަ؟”
ޝަނޫރާ އެ ބުނީ ކޮން ވާހަކައެއްކަން ރިޟުވާނަށް އެނގިއްޖެއެވެ. އެހެންކަމުން ޝަނޫރާ އެ ސުވާލުކުރުމާ އެކު، ރިޟުވާނުގެ މޫނުމަތީގައި ކުރިން ހުރި އުފާވެރި ކުލަވަރު އޮއްސިއްޖެއެވެ. އެހެންނަމަވެސް ޝަނޫރާއަކަށް މި މަންޒަރެއް ނުފެނެއެވެ.
“އެއީ ވަރަށް ދިގު ވާހަކައެއް. ވަގުތު ޖެހުނީމަ ހުރިހައި ވާހަކައެއް ވެސް ކިޔައިދޭނަން.” ރިޟުވާނުގެ މޫނުމަތީގައި ހުރި އަސަރު، އަޑުގައި ވެސް ހިފާފައި ހުއްޓެވެ.
“އޯކޭ! ރިޟުވާން ބޭނުން ގޮތެއް.” ޝަނޫރާ ހިނިތުންވެލަމުން، ރިޟުވާނުގެ ކަނާތު މުލައްދަނޑިމަތީގައި ބޯ އަޅައިލިއެވެ.
“ޝަނޫ ގާތުގައި ރިޟޭ ވެސް ވާހަކައެއް އަހައިލަންތަ؟”
“ހޫނ!”
“ޝަނޫ ދެކެ ރިޟޭ ލޯބިވާކަމަށް ގަބޫލުކުރަންތަ؟”
“އާނ!”
“ކިހައި ވަރަކަށް؟”
“އެނގޭ ވަރަށް ބޮޑަށް ލޯބިވާކަން.”
“ގަބޫލުރަން ދޯ!”
“ހޫނ!”
“ހަގީގަތަކީ ވެސް ތީ. ޝަނޫ ދެކެ ރިޟޭ އިންތިހާއަށް ލޯބިވޭ! ކައިވެންޏަށް ފަހު އެ ލޯބި އަދި ވަކިން ބޮޑަށް ގަދަވެއްޖެ! މި ދުވަސް ރިޟޭއަށް ފެނިދާނޭކަމަކަށް ރިޟޭ ހިޔެއް ވެސް ނުކުރަން. ޝަނޫއާ ކައިވެނިކުރެވުނީމަ ރިޟޭއަށް ގަބޫލުކުރެވުނީ، ދުނިޔޭގެ ހުރިހައި އުފަލެއް މިހާރު ރިޟޭއަށް ލިބިއްޖެކަމަށް.” ރިޟުވާނުގެ ދެ ލޯ ފެންކަޅިވިއެވެ. އުނގުގައި އިން ޝަނޫރާގެ ގައިގައި ރިޟުވާނު ވަރަށް ލޯބިން ބައްދާލިއެވެ. ފުރަގަހުން ކޮލުގައި ބޮސްދިނެވެ. ޝަނޫރާގެ ކަނދުރާމަތިން ހީބިހިނެގިއެވެ.
“ޝަނޫއަށް އެނގޭތަ؟ ޝަނޫ އުޅޭނޫޅޭގޮތް ރިޟޭ ބަލާތާ ދެ އަހަރެއްހައި ދުވަސްވެއްޖެ! މި ދިޔަ ދުވަސްތަކުގެ ތެރޭގައި، ރިޟޭއަށް ޝަނޫގެ އެންމެ ކަމުދިޔަ ސިފައަކީ ކޮބައިކަން އެނގޭތަ؟”
“ބުނެބަލަ!”
“ރިޟޭ ނުދެކެން ދުވަހަކުވެސް ފިރިހެން ކުއްޖަކާ ޝަނޫ ވާހަކަދައްކާތަނެއް. އެއީ ރިޟޭއަށް އެންމެ ކަމުދިޔަ ސިފަ.”
ރިޟުވާނުގެ މި ޖުމުލައާ އެކު ޝަނޫރާގެ މޫނުމައްޗަށް ބަދަލުތަކެއް އަތުވެއްޖެއެވެ.
“އެހެންވީމަ ކުރިއަށް އޮތް ތަނުގައި ވެސް ޝަނޫގެ ކިބައިން އެ ރީތި އުޅުން ފެންނަންވާނެ! ފިރިހެނުންނާ އެއްގޮތަކަށް ވެސް ވާހަކަ ދައްކާހަދައިގެން ނުވާނެ! ފިރިހެނަކާ ދިމާއަށް ޝަނޫ ބަލައިލުމަކީ ވެސް ރިޟޭގެ ހިތަށް އަނިޔާލިބޭނެކަމެއް. ރިޟޭގެ ހިތުގައި ޝަނޫއަށް ދެވިފައިވާ ގަދަރު ކުޑަވާ ކަހަލަ ކަމެއް ނުކުރައްޗޭ އިނގޭ! ރިޟޭ މި ވާ ވަރަށް ޝަނޫ ދެކެ ލޯބި ވާނެ މީހަކު މި އުޑުދަށަކުން ޝަނޫއަކަށް ނުލިބޭނެ!”
ރިޟުވާނުގެ އެ ވާހަކަތައް އަޑުއަހަން ޝަނޫ އިނެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތީގައި ކުރިން ހުރި އުފާވެރިކަމަށް، ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް އަތުވެއްޖެކަމަށް ފާހަގަކުރެވުނެވެ.
“ދެން ހިނގާ ކުރުނބާ ބޯން ދާން ދޯ! އަދި މޫދަށް ވެސް އެރެންވާނެއެއްނު!” ރިޟުވާނު ތެދުވެ، ޝަނޫރާގެ އަތުގައި ހިފައި ވަރަށް ލޯބިން ނެގިއެވެ. އަދި ޝަނޫރާގެ ގައިގައި ހުރި ދޮންވެލިތައް ފޮޅައިލަދިނުމަށް ފަހު ޝަނޫރާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ޑިންގީއާ ދިމާއަށެވެ. ކުރުނބާ ހުރީ ޑިންގީގައި ކަމަށްވާތީއެވެ.
ތަންކޮޅަކަށް ގޮސްފައި ރިޟުވާން އެނބުރި ކުއްލިއަކަށް ޝަނޫރާ އުރައިލިއެވެ. އެ ވަގުތު ޝަނޫރާއަށް ހަޅޭއްލަވައިގަނެވުނެވެ. ދެން ފޭށީ ހޭށެވެ. ރިޟުވާނު ވެސް ހޭންފެށިއެވެ. އެ ދެމެދުގައި އުފާވެރިކަމުގެ ފައްވާރާއެއް އުފެދިއްޖެއެވެ. މި އުފަލުގައި އެ ދެ މީހުން ކުރިއަށް ދިޔައިރު، މި ރަށުގައި އެ މީހުން ހޭދަކުރި ހުރިހައި ވަގުތެއްގައި އެ މީހުންގެ ހަރަކާތްތަކާއި އަމަލުތައް ވަރަށް ގާތުން ބަލަމުންދާ މަޚުލޫޤެއް، އެ މީހުންގެ ފަހަތުން އުޅޭކަމެއް އެ މީހުންނަކަށް ނޭނގެއެވެ.
އިރާކޮޅުގެ ވަގުތެވެ. ހަނދުވަރުގެ އަލިކަމުން މަހުރޫމުވެފައިވާ މަގުމަތީގެ ތަންތަންކޮޅަށް، މަގުމަތީ ބަންތީގެ ހުދު އަލީގެ އެހީތެރިކަން ފޯރާފައިވެއެވެ. ވަގުތަކީ އިޝާނަމާދު ފަހުގެ ވަގުތެވެ. މިސްކިތުން ފައިބައިގެން އަންނަ މީހުންނާއި އެކިއެކި ކަންކަމުގައި ކޮޅުކޮޅަށް ހިނގާބިނގާވާ މީހުން މަގުމަތިން ފެނެއެވެ. ދެ އަތް ފުރަގަހަށް ލައިގެން، މަޑު ހިނގުމެއްގައި ސައީދު އައީ ގެއާ ދިމާއަށެވެ. ބޮލުގައި ތާކިހާ އޮތެވެ. ހުރީ ޒިކުރުމަތީގައެވެ.
ގެއަށް ވަދެގެން ގޮސް، ކާގޭ ދޮރުމައްޗަށް ސައީދު އެރި އިރު، ހައްވައާއި ޝަނޫރާ އުޅެނީ ކާންހެދުމުގެ މަސައްކަތުގައެވެ. ޝަނޫރާ ހުރީ ރިހާކުރުދިޔަ ގިރާށެވެ. ހައްވަ ހުރީ ވަޅޯމަސް ކޮށާށެވެ. މޭޒުމަތީގައި ތަށިތައް އަތުރާފައި ހުއްޓެވެ. ރިހާކުރުދިޔައާއި ވަޅޯމަހާއި ބަތަކީ ސައީދު މާ ގަޔާވާ ކެއުމެކެވެ.
“ހާދަ ވަސް ރަނގަޅޭ!”
“މިހާރު މި ނިމެނީ.” ސައީދު ފެނުމާ އެކު ހިނިތުންވެލަމުން، އަވަސްއަވަހަށް ހައްވަ ބުނެލިއެވެ.
“ދަރިފުޅާ! ކޮބައި ރިޟުވާނު؟” ސައީދު އައިސް ކާމޭޒުދޮށުގައި ޖައްސާލަމުން ޝަނޫރާއާ ދިމާއަށް ބަލައިލިއެވެ.
“ތި ވާހަކަ މަ ވެސް މި ދައްކަނީ. ހަވީރު ދިޔަ ކުއްޖާއޭ އެއީ. މިހާރު އެއޮއް އަށެއް ޖަހަނީ. އަދިވެސް ނާދޭ!” ސައީދުގެ ސުވާލަށް ޖަވާބުދިނީ ހައްވައެވެ.
“ކޮންތާކަށް ދިޔައީ؟”
“ވެލާބިސް ނަގާށޭ ކިޔާފަ ކުޑަފުށްޓަށް ދިޔައީ. އަދި އެކަންޏޭ ދިޔައީ ވެސް.”
“ކުޑަފުށްޓަށޭ؟ މިއޮއް ރޭގަނޑު؟” ސައީދުގެ ދެ ލޯ ބޮޑުވިއެވެ.
އިއްތިފާގުން އެ ވަގުތު ވީ ރިޟުވާނަށް، އައިސް ކާގެއަށް ވަދެވުނު ވަގުތަށެވެ. އޭނާގެ އަތުގައި ޓޯޗަކާއި ވަޅިއެއް އޮތެވެ. ސޯޓަކާއި ޓީޝާޓެއް ލައިގެން ހުރި އިރު، މޫނުމަތިން ހުރީ ތެޔޮ ހިލިފައެވެ. ބޮލުގެ އިސްތަށިގަނޑު ހޭވިފައެވެ. ހިކިފައި ހުރި ތުންފަތްމަތީގައި ދުވެލަދުވެލައި ހުރީ އުފާވެރި ހިނިތުންވުމެކެވެ.
“ރޭގަނޑެއް ކަމަކު ކޮބައިތަ މައްސަލައަކީ ބައްޕާ؟” ސައީދު ބުނި ވާހަކަ ރިޟުވާނުގެ ކަންފަތާ ހަމައަށް ފޯރާފައިވާތީ، އޭނާ ސައީދުގެ މޫނަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.
“މައްސަލަ ބައިވަރު! ފުރަތަމަ މައްސަލައަކީ ނަމާދު އަޅާފައި ދިޔުން. ދެވަނަ މައްސަލައަކީ ރޭގަނޑާ ދިމާކޮށް އެކަނި ފުރައިގެން ދިޔުން. ތިންވަނަ މައްސަލައަކީ މަނާކަމެއް ކުރަން ދިޔުން.” ސައީދު އިނީ ރިޟުވާނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.
“ނަމާދު އެޅުމަކީ މައްސަލައެއްކަމަށް ޤަބޫލުކުރަން. އެކަމަކު ދެން ތި ބުނި ދެ މައްސަލައަކީ މައްސަލައެއް ނޫން ބައްޕާ!” ޓޯޗާއި ވަޅި މޭޒުމަތީގައި ބާއްވާފައި، ކާމޭޒު ދޮށުގައި ރިޟުވާނު ޖައްސައިލީ ހިނިއައިސްފައި ހުރެއެވެ. ޖަގުން ތަށްޓަކަށް ފެންއަޅަންފެށިއެވެ.
“ނޫނޭ ދަރިފުޅާ! ބައްޕަ ބުނީމަ ޤަބޫލުކުރޭ! ބައްޕަ އެ ރަށް ލިޔުއްވައިގެން އުޅޭތާ މިހާރު ތިރީހަކަށް އަހަރު މިވަނީ. އެހެންވީމަ އެ ރަށާ ބެހޭގޮތުން ވަރަށް ގިނަ ކަންކަން ބައްޕައަށް އެނގޭނެކަމަށް ޤަބޫލުކުރޭ! އަނެއްކޮޅުން ސަރުކާރުން މަނާކޮށްފައި ހުންނަ ކަންކަން ކުރީމަ ވާނީ ކުށަކަށް.”
“އިއްޔެ ނޫން އެހައް ދުވަހު ރިޟޭމެން އެ ރަށަށް ދިޔައިރު ވެސް، ކޮންމެވެސް ބަޔަކު ހުރި ވެލާބިސް ނަގާފަ.”
“ބަޔަކު އުޅޭހައި ގޮތަކަށް އުޅޭކަށް ނުވާނެ.” ސައީދު ވާހަކަދެއްކީ ނަސޭހަތުގެ ރާގުގައެވެ. “ކުރީ ދުވަހަކު ވެސް މި ވާހަކަ ބައްޕަ ދެއްކީމެއްނު!”
ރިޟުވާނު ވެލާބިސް ނަގަން ދިޔައީ، ޝަނޫރާ ވެލާބިސް ކާހިތުން އުޅޭތީއެވެ. ޝަނޫރާ އުފާވާނޭހައި ގޮތެއް ހަދައިދޭން އޭނާ ބޭނުންވެއެވެ. މަނާކަމެއްކަން އެނގޭ އިރު ވެސް، އޭނާ ދިޔައީ އެހެންވެއެވެ. ޝަނޫރާ އުފާކޮށްދިނުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.
“ވެލާ ބިސް ނެގުމަކީ މަނާކަމެއްތަ؟” އެ ރޭ ކައިގެން ނިކުމެ، ގޭ ދޮރުމަތީގައި ހުރި ޖޯލިފަތީގައި ވާހަކަ ދައްކަން ތިބެފައި ޝަނޫރާ އަހައިލިއެވެ.
“އާނ! އެކަމަކު ޝަނޫ ކާހިތުން އުޅުނީމަ ހިތަށް އެރީ ދާން.”
“މަނާކަމެއްކަން އެނގޭ ނަމަ މަށެއް ނުބުނީސް! ދެން ނުދާތި! ނަސީބެއްނު މި ރޭ ވޭލާ ނޭރިކަން.”
“ޔަގީނުން ވެސް މާދަމާ ރޭ އަރާނެ!”
“ކިހިނެއްތަ ތި ގޮތަށް ބުނަން އެނގެނީ؟”
“އެންމެ ފަހުން ބިސް އެޅި ރޭ އެނގެންޏާ، ވަރަށް ފަސޭހައިން ދެނެގަނެވޭނެ.”
“ކިހިނެއް؟” ޝަނޫރާ އިނީ ހައިރާންވެފައި ރިޟުވާނުގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“އެ ރެއިން ފެށިގެން 12 ރޭ ގުނާފަ ދާންވީ. އެ ރޭ ނޫނީ އެއާ ވިދިގެން އަންނަ ދެ ރެއިން ކުރެ ރެއަކު އަރާނެ. މީ ޝައްކެއް ވެސް ނެތް ކަމެއް.”
“ރިޟުވާނު ހާދަ މޮޅޭ!”
“އަދި މިހާރުތަ އެނގުނީ؟” ލާނެތް ގޮތަކަށް ބަލައިލަމުން ސަމާސާ ރާގަކަށް ރިޟުވާނު ބުނެލިއެވެ. ޝަނޫރާ ލޯ މަރައިލީ ލަދުންނެވެ.
ކުރެވުނު ސަމާސާއިން ރިޟުވާނު ގާތަށް ހިނިއައެވެ. އޭނާ ޖޯލީގައި އޮށޯވެ އުޑުމައްޗަށް ބަލައިލިއެވެ. އޭރު ސޯޅަވިލޭރޭގެ ހަނދު އިރުމަތީފަރާތް އުޖާލާކުރަމުން މެދު އުޑަށް ދަތުރުކުރަނީއެވެ. ހަނދުގެ ރީތި މޫނު ފެނިފައި ތަރިތައް ލަދުން ބޮނދައިފިއެވެ.
“ލޯ ހުޅުވާލައިފައި ނިކަން އުޑުމައްޗަށް ބަލާލަބަލަ!”
ޝަނޫރާ ލޯ ހުޅުވައިލިއެވެ.
“އޯހ! ލޯބި!” ހަނދު ފެނުމާ އެކު ޝަނޫރާގެ ހިތަށް އުފާވެރިކަން ލިބުނެވެ.
“ހަމަ ޝަނޫ ކަލަހަ ލޯބިލޯބި ހަނދެއް.” ޝަނޫރާގެ މޫނާ މޫނު ކައިރިކޮށްލައި ބޮސްދެމުން، ރިޟުވާނު ކޮށްލި ތަޢުރީފާ އެކު ޝަނޫރާގެ ހިތަށް ނޭނގޭ އުފަލެއް ވެރިވިއެވެ. “ހިނގާ މި ރޭ ތުނޑިއަށް ގޮސްލަން! ވަރަށް އަރާމްވާނެ.” ޝަނޫރާގެ އަތުގައި ހިފައިގެން ރިޟުވާނު ޖޯލިން ތެދުވިއެވެ.
“ހިނގާ!” ޝަނޫރާ ވެސް ތެދުވިއެވެ.
ކައިވެންޏަށް ފަހު ގިނަ ރޭރޭ އެ ދެ މީހުން ބުރެއްޖަހައިލާނެއެވެ. އެހެންނަމަވެސް އެއްވެސް ރެއަކު ޝަނޫރާ ގޮވައިގެން ރަށުތެރެއަކަށް ރިޟުވާނު ނާރައެވެ. މީހުން ގިނަ ދިމަދިމާއަކަށް ނުދެއެވެ. އަބަދު ވެސް ދާނީ ކޮންމެވެސް އެކަހެރި ދިމާއަކަށެވެ. އަތިރިމައްޗަށެވެ. ބަނދަރުމައްޗަށެވެ. ނޫނީ ތުނޑިއަށެވެ. އެހެންނަމަވެސް ރިޟުވާނު ވަރަށް ރަނގަޅެވެ. އޭނާގެ އެ ހެޔޮކަމާއި އޯގާވެރިކަމުގެ ސަބަބުން، ޝަނޫރާގެ ހިތް ވަނީ ރިޟުވާނާ ދިމާއަށް މިހާރު އެނބުރެން ފަށާފައެވެ. ލޯބިވާހެން ވެސް ހީވެއެވެ.
“އެކަމަކު މި ރޭ ތަންކޮޅެއް ކުރިން އަންނަން ވެސް ޖެހޭނެ. މާދަމާ ޑިންގީ އުނގުޅާލައި ސާފުކޮށްލަން ކަމަށް މި ވިސްނަނީ.”
“އެހެންވިއްޔާ މި ރޭ ތުނޑިއަށް ނުދާންވީނު!” ރިޟުވާނުގެ މޫނަށް ޝަނޫރާ ބަލައިލީ ލޯބިވެތި ނަޒަރަކުންނެވެ.
“އެއީ؟”
“ތި ބުނީނު މާދަމާ ޑިންގީ އުނގުޅަންޖެހޭ ވާހަކަ.”
“އެ ކަމާ ނުވިސްނާ! އެއްވެސް ކަމަކުން ޝަނޫއަށް ދޭންޖެހޭ ވަގުތަކަށް ހުރަހެއް ނޭޅޭނެ. ހިނގާ ދާން!” ރިޟުވާނު ހިނިތުންވެލަމުން ޝަނޫރާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. “ޝަނޫ ދެކެ ރިޟޭ ހާދަ ލޯބިވޭ! އަބަދު ވެސް ރިޟޭގެ މީހެއްގެ ގޮތުގައި ހުންނައްޗޭ!”
އާނއެކޭ ބުނުމުގެ ގޮތުން ޝަނޫރާ ބޯޖަހައިލިއެވެ.
ރިޟުވާނާއި ޝަނޫރާ އަތު ހިފާލައިގެން ތުނޑިއާ ދިމާއަށް ހިނގައިގަތެވެ. ތުނޑި އޮންނަނީ ރިޟުވާނުމެން ގެއާ އެންމެ ކައިރި އަތިރިމަތީގައެވެ. މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަމާއި، ޖެހޭ މަޑުމަޑު ވައިރޯޅިން އެ ދެ ހިތަށް އިތުރު ތަސައްލީއެއް ލިބެމުންދިޔައެވެ.
ރިޟުވާނާއި ޝަނޫރާ އަތިރިމައްޗަށް ފޭބިއެވެ. ހަނދުވަރުގެ ހުދު އަލިން ތުނޑިމަތި އޮތީ ދިއްލައިލައިފައެވެ. ތުނޑީގެ ރީތި ދޮން ވެލިގަނޑު ހީވަނީ ރިހިމުތުގެ މައިދާނެއް ހެންނެވެ. އެ ދެ މީހުން ގޮސް ޖައްސާލި ތުނޑީގެ މެދެއްހައި ހިސާބުގައެވެ. ހޭޅިއާ މާ ދުރުނޫން ހިސާބެއްގައެވެ.
ރިޟުވާނު އިށީނނުމުން ޝަނޫރާ އިށީނނީ ރިޟުވާނާ ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ. ރިޟުވާނު އުފާވާނީ ވީހައި ވެސް ގާތުގައި އިނނީމާކަން ޝަނޫރާއަށް އެނގޭތީއެވެ. އެހެންނަމަވެސް އެ ގޮތެއް މި ރެއަކު ރިޟުވާނަކަށް ކަމަކު ނުދިޔައެވެ. އޭނާގެ ހިތަށް މި ރޭ އުފާވެރިކަން ލިބުނީ ޝަނޫރާ ގެނެސް އޭނާގެ އުނގުގައި ބޭންދީމައެވެ.
މި އުފާވެރި މާހައުލުގައި އެ ދެމަފިރީންނަށް ލިބެމުން ދިޔަ އުފަލުގައި އެ މާހައުމުގެ ހުރިހައި މަޚުލޫގުން އައި ބައިވެރިވަމުންނެވެ. ތުނޑިމައްޗަށް ޒިޔާރަތްކޮށްލާ ރާޅުތަކެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިއެވެ. އެ ވައިރޯޅީގެ އެހީގައި ނަށަމުން ދިޔަ ހޭޅިފަށުރެ ގަސްތަކާއި ރުއްރުކުގެ ފަންތަކެވެ. އެ ވެރިންގެ އެ ހަރަކާތްތަކާ ގުޅިފައިވާ ހަމަހިމޭން އަޑުތައް ވެގެންދިޔައީ، ރިޟުވާނާއި ޝަނޫރާގެ ކަންފަތަށް އިއްވައިދެމުން ދިޔަ މޫސީޤީ އަޑަކަށެވެ.
ރިޟުވާނުގެ އުނގުގައި އޭނާގެ ހިމާޔަތުގައި ޝަނޫރާ އިނީ ރިޟުވާނުގެ އަތްދަނޑިމަތީ ބޯ އަޅާލައިގެން ދެ ލޯ މަރާލައިގެންނެވެ. އޭނާގެ ކަންފަތަށް އިވިއިވި ހުރީ ރިޟުވާނު މަޑުމަޑުން ދައްކަމުން ދިޔަ ވާހަކަތަކެވެ. އެ ވާހަކަތަކުން ބައެއް ފަހަރު ޝަނޫރާގެ ހިތަށް އުފާވެރިކަން ލިބެއެވެ. ބައެއް ފަހަރު އެ ހިތް ތަޅުވާލައެވެ.
“އެއްކަލަ ވާހަކަ ކިޔައިދީބަލަ!” އިރުކޮޅަކުން އިނދެފައި ޝަނޫރާ ބުނެލިއެވެ. އެ ވާހަކަ އަޑުއަހައިލާ ހިތް ވަރަށް ބޮޑަށް ޝަނޫރާވެއެވެ.
“ކޮން ވާހަކައެއް؟”
“ބުނީމެއްނު ފަހުން ކިޔައިދޭނަމޭ.”
“މިހާރު؟”
“ހޫނ!” ޝަނޫރާ ލޯ މަރާލައިގެން އިނދެ ވާހަކަދެއްކިއެވެ.
“އެއީ ދައްކަން ވަރަށް އުނދަގޫ ވާހަކައެއް. އެކަން ހަނދާނަށް ގެނެސްގެން ހިތަށް އުނދަގޫކުރާކަށް ރިޟޭ ބޭނުމެއް ނުވޭ! އެކަމަކު އޭގެ ސަބަބުން ރިޟޭއަށް ކިތަންމެ އުނދަގޫތަކެއް ވިޔަސް، ޝަނޫ އެ ވާހަކަ އަޑުއަހަން ބޭނުންވަންޏާ ކިޔައިދީފާނަން.” ރިޟުވާނުގެ އަޑާއި ރާގަށް މިހާރު ވެސް ބަދަލުތަކެއް އަތުވެއްޖެކަން ޝަނޫރާއަށް ފާހަގަކުރެވުނެވެ.
“އެހެންވިއްޔާ މިހާރަކު ނޫން!” ޝަނޫރާ އަވަސްއަވަހަށް ބުންޏެވެ.
އެ މީހުން އެ ވާހަކައިގައި ތިބި އިރު، ކޮންމެވެސް ލޮލެއް އެ މީހުންނަށް ދުރުން ބަލަމުން އެބަ ދެއެވެ. އެ ދެމަފިރިންނަށް އެކަން ނޭނގުނަސް އެ މަޚުލޫޤެއް އެ މީހުންނާ ދިމާއަށް އެބަ އާދެއެވެ. ހޭޅިފަށުންލާފައެވެ. މަޑުމަޑުން އައީ ކައިރިވަމުންނެވެ.
ކުއްލިއަކަށް އެއްލި ކަޅިއަކުން ރިޟުވާނަށް ފެނުނީ އޭނާގެ ބައްޕަ އެ ދިމާއަށް އަންނަ ތަނެވެ. އެ ތަން ފެނިފައި އޭނާ ކުޑަކޮށް ހަމަޖެހިލައި، ޝަނޫރާ އުނގުން ނެގިއެވެ. ބައްޕަގެ ކުރިމަތީގައި އެ ގޮތަށް އިންނަން އޭނާއަށް ފަސޭހަނުވީ ތާއެވެ.
“ދަރިފުޅުމެން ގެއަށް ނުގޮސް، ލަސްވެގެން ބައްޕަ މިއައީ. ކޮން އިރަކުން ގެއަށް ދަނީ؟”
“އަދި އެހައި ލަހެއް ނުވެއެއްނު!” ރިޟުވާނު ގަޑިއަށް ބަލައިލިއެވެ. “ނޫނޭ! ބާރަ ޖަހަނީ ދޯ.” ރިޟުވާނު އަވަސްއަވަހަށް ތެދުވިއެވެ. ފޫމަތިން ވެލި ފޮޅައިލަމުން، ޝަނޫރާގެ އަތުގައި ހިފައި ނެގިއެވެ.
“ދަރިފުޅުމެން ނުގޮސްގެން މަންމަ އެބައިން ނުނިދިފަ. އެހެންވެ ބައްޕަ މި އައީ ވެސް. ގުޅާގުޅާ ފޯނެއް ވެސް ނުނެގިވިއްޔަ.” ރިޟުވާނުމެންނާ އެކު އެއްގަމަށް އެރުމަށް ޓަކައި ހިނގައިގަންނަމުން ސައީދު ވާހަކަދެއްކިއެވެ.
“ކޮޓަރީގައި ފޯނު ބާއްވާފަ މި އާދެވުނީ. މި ތަނަށް އައި ފަހުން ފޯނު މަތިން ހަނދާންވީ. ދޯ ޝަނޫ.”
“ޝަނޫރާއަށް ވެސް ފޯނެއް ހޯދައިދޭންވީނު! އޭރުން ތަންކޮޅެއް ފަސޭހަވާނެއެއްނު!”
“ޝަނޫ ފޯނެއް ބޭނުމެއްނުވާނެ ދޯ ޝަނޫ!” ޝަނޫރާގެ އަތުގައި ހިފައިލުމަށް ފަހު، ހިނިތުންވެލަމުން ޝަނޫރާގެ މޫނަށް ރިޟުވާނު ބަލައިލިއެވެ.
ޖެހިގެން އައި ދުވަހު ރިޟުވާނު އުޅުނީ ވަރަށް ބުރަކޮށެވެ. ޑިންގީ ފެހިކައި ސާފުކުރުމުގައެވެ. އެގާރަ ޖަހަންވާއިރަށް އެ މަސައްކަތް އޭނާ ނިންމާލިއެވެ. މެންދުރު ފަސް އޭނާ ހުސްކުރީ ޝަނޫރާއަށެވެ. އޭނާ ބޭނުންވަނީ ހުރިހައި ވަގުތެއް ވެސް ޝަނޫރާއާ އެކު ހޭދަކުރާށެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެހެން އެކަން ވާކަށް ވެސް ނޯވެއެވެ.
ކަން ދިމާވި ގޮތުން، އެ ދުވަހު ޑިންގީ ބޭލިތަނުން ކަހަލަ ގޮތަކަށް، ރިޟުވާނަށް ދަތުރެއް ލިބިއްޖެއެވެ. ޑޮކްޓަރަށް ދައްކާލަން ކައިރި ރަށަކަށް ދާން މީހަކު ބޭނުންވީއެވެ. އެހެންވެ އޭނާ ގެއަށް ގޮސް، ޝަނޫރާ ގާތުގައި އެ ވާހަކަ ބުންޏެވެ. އެންމެ އަވަހަށް ވެސް އާދެވޭނީ ހަވީރު ކަމަށް ބުންޏެވެ. އެއީ އެ މީހާ ޑޮކްޓަރަށް ދައްކާ ނިމުމުން ގޮވައިގެން އަންނާން ޖެހޭތީއެވެ.
ފެންވަރާލައިގެން ރިޟުވާނު ގެއިން ނިކުތީ ބާރަގަޑި ބައި އެހައިކަންހައި އިރުއެވެ. އެކެއްޖެހި އިރު އެ މީހާ ގޮވައިގެން ރިޟުވާނު ފުރިއެވެ. އެ ރަށަށް ގޮސް ބަނދަރުގައި ލޯންޗް އަޅާފައި އޭނާ ގޮސް ވަނީ އަތިރިމަތީގައި ހުރި ކެފޭއަކަށެވެ. ކޮފީތައްޓެއް ހިފައިގެން ކެފޭގައި އިނދެ ވަގުތުތައް ދުއްވާލަން ހިތަށް އަރާފައެވެ. ޝަނޫރާގެ އަތުގައި ފޯނެއް އޮންނާނެ ނަމައޭ، މި ކަހަލަ ވަގުތުތަކުގައި އޭނާގެ ހިތަށް އަރައެވެ. އޭރުން ގުޅާލައިގެން އިނދެވޭނެތާއެވެ.
“އޭތް! ރިޟޭ!”
މީހަކު އައިސް ކޮނޑުމަތީގައި އަތް ބާއްވާލުމުން، ރިޟުވާނު އިސްއުފުލައި ބަލައިލިއެވެ. ކައިރީގައި ހުރީ ސަމީރެވެ. ސަމީރަކީ އެ ރަށު މީހެކެވެ. ރިޟުވާނުގެ ވަރަށް ކުރީގެ ރައްޓެއްސެކެވެ. ރިޟުވާނު ރިސޯޓުގައި އުޅުނު ދުވަސްވަރުގެ އެކުވެރިއެކެވެ.
“ހާދަ ދުވަހެއްކޮށްފައޭ މި ދިމާވީ ދޯ!” ރިޟުވާނުގެ ކުރިމަތީގައި ހުރި ގޮނޑީގައި ސަމީރު ޖައްސާލިއެވެ. “ކޮން ކަމަކު އައިސް ތި އުޅެނީ؟”
“ޑޮކްޓަރަށް ދައްކަން މީހަކު އަންނަން ބުނެގެން ޖައްސާލީ. އަދި ވެސް ރިސޯޓުގައިތަ ސަމީރު ތި އުޅެނީ؟” ރިޟުވާނު ހިނިތުންވެލިއެވެ.
“އާނ! ހަމަ ރިސޯޓުގައި. މި ދުވަސްކޮޅު މި އުޅެނީ ޗުއްޓީއެއް ނަގައިގެން. ކޮން އިރަކުން ފުރަނީ؟”
“އޭނަ ނިމިގެން ގުޅީމަ ފުރަންވީ. ކޮފީއެއް ގެންނަންވީނު!”
“ބުނެފިން ގެންނަން. ކޮބާ ކިހިނެއް ކަންތައްތައް؟”
“ރަނގަޅު!” ކޮފީތަށިން ކޮފީފޮދެއް ރިޟުވާނު ބޮއިލިއެވެ.
“އަޑުއެހިން މީހަކާ އިން ވާހަކަ.”
“އާނ! ތިކަން ކޮށްފިން.” ރިޟުވާނުގެ އަޑުގައި ހުރީ އުފާވެރިކަމެވެ.
“ކިހިނެއް ދިރިއުޅުން؟” ވޭޓަރު ގެނެސް ބެހެއްޓި ކޮފީތަށި ކައިރިކޮށްލަމުން ސަމީރު އަހައިލިއެވެ.
“ވަރަށް ރަނގަޅު! ވަރަށް ރަނގަޅު ކުއްޖަކާ އިނދެވުނީ”
“ކޮންކަމެއް ރަނގަޅުވެގެން ރަނގަޅޭ ތިބުނީ؟” ސަމީރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ހުރިހައި ކަމެއް ވެސް. ވަރަށް ގެވެހި. ވަރަށް ކިޔަމަންތެރި. ވަރަށް ލޯބި. މިހެން ގޮސް ކިތަންމެ ކަމެއް ވެސް ކިއިދާނެ.”
“ކިތަންމެ ރަނގަޅޭ ހީވިޔަސް އަންހެނަކަށް އިތުބާރުނުކުރައްޗޭ!” ސަމީރު ވަގުތުން ބުނެލިއެވެ.
“ކީއްވެ؟” ސަމީރުގެ މޫނަށް ރިޟުވާނަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. “ކީއްވެ އިތުބާރުނުކުރަންވީ؟ އެހެންނޫނަސް އިތުބާރުނުކޮށް ކިހިނެއް ދިރިއުޅޭނީ؟”
“އެކަމަކު އަންހެނުން ތީ އިތުބާރުކުރަން ހެޔޮވާވަރުގެ ބަޔެއް ނޫން! މަގޭ އަރުގައި އެ ކަމުގެ ހިތި ރަހަލައިފި.” ސަމީރުގެ ދެ ލޮލުން ކަރުނަ ނިރާލިއެވެ.
“ކިހިނެއްވީ؟” އަވަސްއަވަހަށް ރިޟުވާނަށް އަހައިލެވުނެވެ. އޭރު އޭނާގެ ހިތުގެ ތެޅުން އަވަސްވާން ފަށައިފިއެވެ.
“ރިޟޭއަށް އެނގޭތަ؟ އަހަރެން ވެސް އަހަރެންގެ އަންހެނުންނަށް ވަރަށް އިތުބާރުކުރިން. އަހަރެން މިހާރު ބޯން މި އިނީ ކަޅުކޮފީއެއްނު! އެކަމަކު އޭނާގެ ދުލުން މިއީ އައިސްކްރީމޭ ބުންޏަސް އަހަރެން ގަބޫލުކުރާނަން. އެ ވަރަށް އިތުބާރުކުރިން.” ސަމީރު ހިންދިރުވައިލިއެވެ.
“ދެން…؟”
“ހާދަ ރަނގަޅަކަށޭ އޭނަ އުޅުނީ. ހާދަ ލޯބިންނޭ އުޅުނީ. ކޮންމެ ކަމެއްގައި ވެސް އޮންނާނީ އަހަރެންގެ ދުލުން ބުނި ގޮތެއް. އެހެންވެ އެ ވަރަށް އިތުބާރުކުރެވުނީ. އެކަމަކު އާޚިރުގައި ކަންވީ…..” ސަމީރަށް ވާހަކަ ދައްކަން ދަތިވިއެވެ.
“އަސްލު ކިހިނެއްތަ ވީ؟”
“ހަގީގަތް އެނގުނު އިރު، އޭނަ ލޯބިވީ އަހަރެން ދެކެއެއް ނޫން. އަހަރެންގެ ހިޔަނި ދެކެ.” ސަމީރުގެ އަޑު ތުރުތުރުއަޅަންފެށިއެވެ.
“ތި ބުނި އެއްޗެއް ނުވިސްނުނު.” ސަމީރުގެ ވާހަކަ އަޑުއަހަމުން ދިޔައިރު، ރިޟުވާނުގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައީ ކީއްވެކަން އޭނާއަކަށް ވެސް ނޭނގެއެވެ.
“އަހަރެން އޭނާ ގާތުގައި ހުންނަ އިރު އަހަރެންހައި ލޯބިވާ މީހަކު ނުހުންނާނެ. ފުރައިގެ ދިޔުމާ އެކު….” ސަމީރުގެ އަޑު ކަރުގައި ތާށިވެއްޖެއެވެ. އޭނާ އަވަސްއަވަހަށް ހިންދިރުވައިލިއެވެ.
“މާ ބިޒީކޮށް އުޅެންވީމަ ހަނދާންނެތޭ ފަހަރު ވެސް އަންނާނެ! އެއީ މައްސަލައެއް ނޫނޭ!” ރިޟުވާނު މަސައްކަތްކުރީ ފަހިކޮށް ވިސްނާށެވެ.
“މި ވާހަކަ ދައްކަން ލަދު ވެސް ގަނޭ. ދެރަ ވެސް ވޭ.” ދެ ލޮލުން ވެއްޓެން ތައްޔާރުފައި ހުރި ކަރުނިތިކި ކަނާތު ބޮޑުވާއިނގިލިން ސަމީރު ފޮހެލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ހިނިތުންވެލީ ހަމަޖެހިލެވޭތޯއެވެ. އޭރު ރިޟުވާނުގެ ނަޒަރު ހުއްޓިފައި ހުރީ ސަމީރުގެ މޫނަށެވެ.
“އެއް ރޭ އަހަރެން ރިސޯޓުން ރަށަށް އައީ އަންހެނުންނަށް ސަޕްރައިޒްއެއް ދޭންވެގެން އޭނާ ގާތުގައި ނުބުނެ. އެއީ އެ ރޭ ނުވައެއްޖަހައި އެހައިކަންހައި އިރޭ ހަނދާންވަނީ. އައި އިރު، އޭނާ އުޅެނީ ކޮޓަރީގައި. ދޮރު ހުރީ ތަޅުލާފައި. އަހަރެން ދެ ފަހަރަކު ޓަކިޖަހައިލުމުން ވެސް ނުހުޅުވި. ނިދިފައި އޮތީއޭ ހިތައި ޖީބުގައި އޮތް ތަޅިދަނޑި ނަގައި ހުޅުވައިލުމާ އެކު، ކޮޓަރިން ފެނުނީ އަހަރެން ހީކުރި ކަހަލަ މަންޒަރެއް ނޫން. އެނދުގައި އޮތީ އަންހެނުން އެކަންޏެއް ނޫން. އަހަރެންގެ މަގާމުގައި އެހެން ފިރިހެނަކު އޮއްވާ ފެނުނީ. އަހަރެން ފެނިފައި ދެ މީހުން ފުންމައިގެން ތެދުވެއްޖެ. ރިޟޭ ދެން ވިސްނާ އަހަންނަށް ވާނެގޮތް.” ސަމީރަކަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ.
“ހަމަ ތެދެއް؟” ސަމީރުގެ ވާހަކަ އަޑުއަހަން އިން ރިޟުވާނުގެ ދެ ލޯ ވަނީ ބޮޑުވެފައެވެ. އޭނާއަށް އެ ވާހަކަ ގަބޫލުކުރަން ދަތިވެފައި އިން ކަހަލައެވެ.
“އާނ! އެކަމަކު އެ ދުވަހު ހަވީރު ވެސް އަހަރެން ގުޅީމަ ހާދަ ލޯބިންނޭ ވާހަކަދެއްކީ.” ސަމީރުގެ އަޑު ތުރުތުރުއަޅަންފެށިއެވެ. “މީގެ ފަހުން އަންހެނަކަށް އިތުބާރުކުރުން ނިމުނީ.” ސަމީރު ބޯ ހަލުވައިލިއެވެ.
ސަމީރުގެ ވާހަކައަށް ރިޟުވާނު ބޯޖަހައިލިއެވެ. އޭރު އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔައީ، އޭނާ ކިޔަވަން މާލޭގައި އުޅުނު ދުވަސްވަރު ފެނުނު ހުތުރު މަންޒަރުތަކެވެ. އެއީ ވެސް ހަމަ އެކަހަލަ ބޭވަފާތެރި އަމަލެކެވެ. އަންހެނުން މީ ކޮން ފާޑެއްގެ ބަޔެއްހެއްޔެވެ؟ ރިޟުވާނަށް ދަތްކުނޑިވިކައިގަނެވުނެވެ.
އެ ވަގުތު ރިޟުވާނުގެ ކުރިމައްޗަށް ހަމަ ކުއްލިއަކަށް އައީ ޝަނޫރާއެވެ. ޝަނޫރާގެ ރީތި މޫނެވެ. އެ މޫނު ފެނުނު ވަގުތު ހިތަށް ވެރިވެގަތް ޚިޔާލުތަކެއްގެ ސަބަބުން ރިޟުވާނަށް ދެ ލޯ މަރައިލެވުނެވެ. އޭރު އޭނާގެ ހިތް އޮބިނޯންނަ މިންވަރަށް ތެޅެމުންދެއެވެ.
“އެ މައްސަލައިގައި އަންހެނުން ވަރި ވެސް ކޮށްލައިފިން. ދެރައީ އޭނާއަށް ކުއްޖަކު ލިބިފައި ހުރީމަ.” ސަމީރުގެ ތުރުތުރުއަޅަމުން ދިޔަ އަޑު ރިޟުވާނުގެ ކަންފަތާ ހަމައަށް ފޯރިއެއްކަމަކު، އެ ވާހަކައަށް އެއްޗެއް ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
“މަ ބުނާނެ ވާހަކައެއް ނެތް! ރިޟޭ ވެސް އަންހެނަކަށް އިތުބާރު ނުކުރާތި!”
ސަމީރުގެ އެ ޖުމުލައާ އެކު ރިޟުވާނުގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. އޭނާއަށް ފުރަތަމަ ފަހަރަށް ޝައްކުގެ ނަޒަރަކުން ޝަނޫރާއާ ދޭތެރޭގައި ވިސްނައިލެވުނެވެ. ހިތަށް އެރިއެވެ. މިހާރު ޝަނޫ އަނެއްކާ ކުރަނީ ކީއްބާވައެވެ؟ ސަމީރުގެ އަންހެނުންހެން ގެއަށް މީހުން ވައްދާކަށް ޝަނޫރާއަކަށް ފަސޭހައެއް ނުވާނެއެވެ. އެކަމަކު މަންމަގެ ލޮލުގައި އަނދުން އަޅުވާފައި ބޭރަށް ވެސް ދެވިދާނެއެވެ.
ރިޟުވާނު ބޭނުންވަނީ ހަމަ މިހާރުން މިހާރަށް ރަށަށް ދާށެވެ. ޝަނޫރާ ގާތަށް ދާށެވެ. އެހެންނަމަވެސް ދެވޭކަށް ވެސް ނެތެވެ.
ސަމީރު އެ ތަނުން ދިޔަތާ ކުޑައިރުކޮޅެއް ފަހުން ޑޮކްޓަރަށް ދައްކަން އައި މީހާ ރިޟުވާނުގެ ފޯނަށް ގުޅައިފިއެވެ. މިއަދު އޭނާއަށް ރަށަށް ދެވެން ނެތް ވާހަކަ ބުނާށެވެ. ރިޟުވާނަށް ފުރޭގޮތްވީއެވެ. ފޯނު ބޭއްވިގޮތަށް ރިޟުވާނު ތެދުވިއެވެ. ބިލް ދައްކާފައި އަވަސްއަވަހަށް ހިނގައިގަތެވެ. ބަނދަރުމައްޗަށް ދިޔުމަށެވެ.
“ޝަނޫ!” ގެއަށް ވަންގޮތަށް ރިޟުވާނު ގޮވަންފެށިއެވެ. އޭރު ގަޑިން މެންދުރުން އަނބުރައި ތިނެއްޖަހަނީއެވެ.
ރިޟުވާނު ހަލުއި ފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާއަށް ދިޔައެވެ. އޭނާ ގޮސް ކޮޓަރީ ދޮރު ހުޅުވައިލިއެވެ. ވަގުތުން ކޮޓަރިއަށް ވަނެވެ. އެނދު ހުރީ ހުހަށެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި ހިންގަމުން ގޮސް ފާޚާނާ ހުޅުވައިލިއެވެ. އެއްވެސް މީހަކު ނެތެވެ. ރިޟުވާނުގެ ހިތުގެ ތެޅުން އެއްވަރެއްގައި ހުރި ނަމަވެސް، ކަންބޮޑުވުން އައީ އިތުރުވަމުންނެވެ.
ދުރުދުރުގައި އެޅި ދެތިން ފިޔަވަޅަކާ އެކު، ރިޟުވާނު ކޮޓަރިން ނިކުތެވެ. ހިނގައިގަތީ ބަދިގެ ފަރާތަށެވެ. މީހަކު ނެތެވެ. ބަދިގޭ ދޮރުމައްޗަށް އެރި އިރު، ކޮންމެވެސް މަސައްކަތެއްގައި މަންމަ އުޅެއެވެ. ޝަނޫރާއެއް ނުފެނުނެވެ.
“މަންމާ! ކޮބައި ޝަނޫ؟” ރިޟުވާނުގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.
“ވެއްޖެ ބޭރަށް ގޮސް.”
“ބޭރަށް ގޮހޭ؟” ރިޟުވާނުގެ ދެ ލޯ މުދުނަށް އެރިއެވެ. “އެކަނި؟”
“ކިހިނެއްވީ ދަރިފުޅާ؟ ހާދަ ހާސްވެފައި ތިހިރީ؟”
“އެކަނިތަ ދިޔައީ؟” ރިޟުވާނުގެ ސުވާލު ތަކުރާރުވިއެވެ.
“އާނ! އެކަނިހެން ހީވަނީ.”
“މަންމަ ހުއްދަ ދިނީތަ އޭނަ ބޭރަށް ދާން؟” ރިޟުވާނުގެ އަޑުގައި ހުރީ ނުރުހުމުގެ ރާގެވެ.
“ވަރަށް އަވަހަށް އަންނާނެމޭ ކިޔާފަ އެ ދިޔައީ. ދެންމެ އެ ދިޔައީ ވެސް. ދަރިފުޅު ކޮންކަމަކާ މާ ކަންބޮޑުވެގެން ތި އުޅނީ؟”
ހައްވަގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި، ރިޟުވާނު އެނބުރި ހިނގައިގަތީއެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ނިކުތީ މަގަށެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ހައްވަ ވެސް މަގަށް ނިކުތެވެ. ރިޟުވާނު ހިތްހަމަ ނުޖެހިފައި ހުރިހެން ހީވެގެންނެވެ. އޭރު ދެ ފަޔަށް ބާރުލާފައި ރިޟުވާނު ހިނގައިގެންފިއެވެ. މަގު ހުރިގޮތަށް ދެކުނަށެވެ.
“ދަރިފުޅާ! ކޮން ކަމަކާތަ މާ ރުޅިއައިސްގެން ތި އުޅެނީ؟” ހައްވަ ގޮވައިލިއެވެ.
“ރުޅިއެއް ނާދޭ! ވަރަށް ރަނގަޅު އޭނާ މިހާރު.” ޝަނޫރާއާއި އައިސްތު ތިބީ އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައި ވާހަކަދައްކާށެވެ. އެ ތަނުގައި އެ ދެ މީހުން ފިޔަވައި، އިތުރު މީހަކު ނެތެވެ. ޖެހޭ މަޑުމަޑު ވައިރޯޅިއާއި ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑުން، އެ މާހައުލަށް ވެރިވެފައި ވަނީ އުފާވެރިކަމެވެ.
“ސާމީ ދިޔަކަން ނަސީބެއްނު!” އައިސްތު ހިނިތުންވެލިއެވެ. “ޝަނޫގެ މޫނުމަތިން ވެސް އެނގޭ މިހާރު ވަރަށް ހިތްހަމަޖެހިފައި އިންނަކަން.”
“އަސްލު ވެސް ތި ބުނީ ހަމަ ރަނގަޅަށް. ސާމީގެ ވާހަކަ ދެން ނުދައްކަމާ ހިނގާ!. އެކަން އެ ނިމުނީތާ. އަހަރެން މިހާރު ވަރަށް ހިތްހަމަޖެހޭ. ރިޟުވާނަކީ ވަރަށް ރަނގަޅު ފިރިއެއް. ވަރަށް އޯގާވެރި. ވަރަށް ބޮޑަށް އަޅައިލާ. އަހަރެން އުފަލުގައި ބަހައްޓަން އަބަދުވެސް އޭނާ މަސައްކަތްކުރާނީ. ކުރިން އަހަންނަށް އޭނާއާ މެދު ކުރެވުނީ ކުށްހީއެކޭ މިހާރު ހިތަށް އަރަނީ.”
“މާ ގިނައިން ތި ކަހަލަ ވާހަކަ ނުދައްކާ!”
“ކީއްވެ ނުދައްކަންވީ؟”
“އެސްފިންނާ ޖެހިދާނެ.”
“މަ އަމިއްލައަށް މަގޭ ދިރިއުޅުމުގެ ވާހަކަ ދެއްކީމަ ވެސް އެސްފިންނާ ޖެހޭތަ؟”
“އެކަމެއް ނޭނގެ؟”
“އާނ!”
“އެ ގޮތަށް ވެސް އެސްފިންނާ ޖެހޭނެ.”
“އެކަމަކު ވެސް ދެން މި ވާހަކަ ދެއްކިޔަދީ!”
“އާނ! ދެން ދައްކަބަލަ!” އައިސްތު އިނީ ހިނިއައިސްފައެވެ.
“ރިޟުވާނު މަ ދެކެ ހާދަ ލޯބިވޭ! މާ ބޮޑަށް ލޯބިވާތީ ބައެއް ފަހަރު ބިރު ވެސް ގަނޭ.”
އެ ވަގުތު އައިސްތުގެ ލޮލުގައި އަޅައިގަތީ މަގުހުރި ގޮތަށް ހަލުއި ފިޔަވަޅުތަކެއްގައި އެ ދިމާއަށް އަންނަ ރިޟުވާނެވެ.
“ތިހިރަ އަންނަނީ ޝަނޫގެ ލޯބިކޮޅު.” އައިސްތު ހިނިގަނޑެއް ޖަހައިލިއެވެ.
އައިސްތު މަޖާވެލާފައި ބުނެލި ޖުމުލައާ އެކު، ޝަނޫރާއަށް އެދިމާއަށް ބަލައިލެވުނެވެ.
“މިހާރު ދަތުރު ނިންމާފަ އައީތަ؟” ރިޟުވާނު އަންނަތަން ފެނުމުން ޝަނޫރާއަށް ތެދުވެވުނެވެ. “ފުރަން ދަމުން ބުނި އިރު އޮއްސޭއިރުއޭ އާދެވޭނީ.”
“އެ އަންނަނީ ނުފެނި ލަސްވެގެން. ހާދަހައި ލޯތްބެކޭ ދޯ އެ ވަނީ!” އައިސްތު ދިމާކޮށްލިއެވެ.
“އޭނާ ބޭނުންވާނީ އަބަދު ވެސް އަހަރެން އޭނާއަށް ފެންނަ ހިސާބުގައި ހުންނަން.” ޝަނޫރާ ހަމަޖެހިލައިފައި އަނެއްކާ ވެސް އިށީނނިއެވެ.
“ހާދަ ބާރަށޭ އެ އަންނަނީ. ހީވަނީ…….”
“ރުޅި އައިސްގެން އަންނަހެން ދޯ!” ޝަނޫރާ ހީނލިއެވެ.
ވާހަކަ މިހައި ހިސާބަށް ދިޔައިރު. ރިޟުވާނު އެ މީހުންނާ ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. ޝަނުރާއާއި އައިސްތުގެ ނަޒަރު ހުއްޓިފައި ހުރީ ރިޟުވާނާ ދިމާއަށެވެ. ޝަނޫރާ އިނީ ހިނިތުންވެލައިގެންނެވެ.
“ޝަނޫ!” ރިޟުވާ އައިގޮތަށް އައިސް ހިފީ ޝަނޫރާގެ އަތުގައެވެ. “ހިނގާ ގެއަށް ދާން!” ޝަނޫރާގެ އަތުގައި ހިފައި ނަގަމުން ރިޟުވާނު ބުންޏެވެ. އޭރު އޭނާގެ އަޑުގައި ހުރީ ތަފާތު ރާގެކެވެ. ޝަނޫރާއަށް އެ ރާގުން، މާނައެއް ދޭހަކުރާކަށް ފަސޭހައެއް ނުވިއެވެ.
“މަޑުކޮށްބަލަ! އައިސްތު…..”
“މަޑެއް ނުކުރެވޭނެ! ހަމަ މިހާރު ހިނގާ!” ޝަނޫރާގެ އަތުގައި ހިފައިގެން ރިޟުވާނު ވަގުތުން އެނބުރި އައިކޮޅަށް ހިނގައިގަތެވެ.
“ކީއްވެ ރިޟޭ ގޭގައި ނެތީސް، އެކަނި ބޭރަށް ދިޔައީ؟” ކޮޓަރިއަށް ވަދެ، އެނދުމަތީގައި ޝަނޫރާ ބޭންދުމަށް ފަހު، ހަރުކަށި ރާގަކަށް ރިޟުވާނު ސުވާލުކުރިއެވެ.
“އެއީ….އެއީ….” ރިޟުވާނު ރުޅިއައިސްފައި ހުރިވަރުން ޝަނޫރާއަށް ވާހަކަދައްކަން އުނދަގޫވިއެވެ.
“ކީއްވެހޭ ބޭރަށް ދިޔައީ؟” މި ފަހަރު ރިޟުވާނުގެ އަޑު ކުރިއަށް ވުރެ ވެސް ބާރެވެ.
“އައިސްތު މާލެއިން އައީ މިއަދު. އެހެންވެ……”
“އައިސްތު އަޔަސް ޝަނޫ ނުޖެހޭނެ ބޭރަށް ދާކަށް.”
“ކީއްވެތަ މާ ރުޅިއައިސްގެން ތި އުޅެނީ؟” ޝަނޫރާ އެނދުން ތެދުވިއެވެ. އޭނާ އުޅުނީ ރިޟުވާނުގެ އަތުގައި ހިފައިލާށެވެ. ރިޟުވާނު ފިނިކުރެވޭތޯއެވެ.
“ދުރުގައި ހުރޭ! ތި އަންހެނުންނަކީ ވަރަށް މަކަރުވެރި ބައެއް. ނުލަފާ ބައެއް!”
“ރިޟުވާނު!” ޝަނޫރާގެ ދެ ލޯ ބޮޑުވިއެވެ. “ކީކޭތަ ތި ކިޔަނީ؟ ރިޟުވާނަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟” ޝަނޫރާގެ ދެ ލޮލުން ކަރުނަ ހިލުނެވެ.
“އާނ! އެނގޭ މި ކިޔެނީ ކީކޭކަން. ޝަނޫ ހަނދާންކުރާތި! ޝަނޫ ރިޟޭއަށް ބޭވަފާތެރިވެޖިއްޔާ ރިޟޭއަކަށް ކެތެއް ނުކުރެވޭނެ!”
“މަ ނޫޅޭމޭ ބޭވަފާތެރިވާކަށް. ތި ކަހަލަ އެއްޗެހި ނުކިޔަބަލަ! ރިޟުވާނު އަހަންނަށް އިތުބާރުކުރަމެއްނު!”
“އިތުބާރޭ؟” ރިޟުވާނު ފާޑަކަށް ސިހުނެވެ. “އަންހެނަކަށް އިތުބާރުކުރަން ހެޔޮވާނެތަ؟”
“ތި ބުނަނީ ރިޟުވާނު އަހަންނަށް އިތުބާރެއް ނުކުރަމޭތަ؟” ޝަނޫރާގެ މޫނުމަތީގައި ހިފާފައި ހުރި ހިތާމައިގެ ކުލަވަރު ދެ ގުނަވިއެވެ. ދެ ލޯ ކަރުނައިން ފުރުނެވެ.
“ފިރިމީހާ އައިސް ގެއަށް ވަނީމަ ވަރަށް ލޯބިވާކަމަށް ހެދިގެން އުޅޭނެ! އެކަމަކު ލޯމަތިން ހަމަ ގެއްލޭއިރަށް އެހެން ފިރިހެނަކު ގެނެސް ގެއަށް ވައްދާނެ! އެއީ އަންހެނުން އުޅޭ ވައްތަރަކީ. ނުލަފާ ބަޔެއްތީ! ޗީ! ޗީ!” ރިޟުވާނު ދަތްކުނޑިވިކައިގަތެވެ. “އެހެންވިއްޔާ ބުނެބަލަ! އެ ތަނުގައި ޝަނޫ އިންދާ އެއްވެސް ފިރިހެނަކު އެ ތަނަށް އައިތަ؟ ފިރިހެނަކާ ވާހަކަ ދެއްކިންތަ؟”
ޝަނޫރާއަކަށް އަނގައަކުން ނުބުނެވުނެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހަލުވައިލުން ފިޔަވައި އިތުރު ހަރަކާތެއް ވެސް ނުކުރެވުނެވެ. ކުއްލިއަކަށް މިހައި ވަރަށް ރިޟުވާނު ބަދަލުވެދާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އަނެއްކާ އެސްފިންނާ ޖެހުނީ ބާވައެވެ؟
ފަހަތަށް އެޅި ދެ ފިޔަވަޅަކާ އެކު، ޝަނޫރާ މަޑުމަޑުން އެނދުމަތީގައި އިށީނނެވެ. އެއާއެކު އޭނާއަށް މާ ބޮޑަށް ރޮވޭން ފަށައިފިއެވެ. އޭނާ އަވަސްއަވަހަށް މޫނުގައި ދެ އަތް އެޅިއެވެ. އިރުކޮޅަކުން ކޮޓަރި ތެރެއިން އިވެންފެށީ ޝަނޫރާގެ ގިސްލުމުގެ އަޑެވެ.
ރިޟުވާނު ހުރީ ޝަނޫރާއާ ދިމާއަށް ކަޅި ހުއްޓާލައިގެންނެވެ. އެހެން ހުއްޓާ އިރުކޮޅަކުން، އޭނާގެ ހަށިގަނޑަށް ވަދެ އުޅުނު ވަހުމުގެ މަޚުލޫޤު، އެ ހަށިގަނޑުގެ މައްޗަށް ހިންގާލައިފައިވާ ބާރު ކުޑަކުރަން ފަށައިފިއެވެ. އެއާއެކު ރިޟުވާނުގެ ހިއްސުތައް ހަމައަކަށް އެޅޭން ފަށައިފިއެވެ. ހަމަބިމަށް މީހާ ތިރިވާން ފަށައިފިއެވެ. ފެންނާން ހުރި މަންޒަރުތައް ސާފުވާން ފަށައިފިއެވެ. ކުރެވުނު ކަންތަކާއި ކިޔުނު އެއްޗިއްސާއި އުޅެވުނު ގޮތް، ހިތަށް އުނދަގޫކުރަން ފަށައިފިއެވެ.
ރިޟުވާނު ކުރިއަށް ޖެހިލިއެވެ. މަޑުމަޑުން ތިރިވެ، ޝަނޫރާގެ ކުރިމަތީގައި އިށީނދެއްޖެއެވެ. ޝަނޫރާގެ މޫނުމަތީގައި އަޅާފައި ދެ އަތުގައި ލުއިލުއިކޮށް ހިފަހައްޓައިލިއެވެ. އެ ވަގުތު އޭނާގެ އިނގިލިތަކުގައި ޖެހުނީ ކަރުނައިގެ ތެތްކަމެވެ. އޭރު ވެސް ޝަނޫރާއަށް ގިސްލެވެމުން ދެއެވެ.
“ޝަނޫ! ސޮރީ!” ރިޟުވާނުގެ އަޑާއި ރާގުގައި ކުރިން ހުރި މުރަނަކަމެއް މިހާރަކު ނެތެވެ. މަޑުމައިތިރިވެއްޖެއެވެ.
ރިޟުވާނުގެ އޯގާވެރިކަން އެކުލެވިފައިވާ އަޑު ކަންފަތުގައި ޖެހުމާ އެކު، ޝަނޫރާގެ ގިސްލުމުގެ އަޑު ކުރިއަށް ވުރެ ވެސް ބާރުވިއެވެ. ލޮލުން އޮހިގަތް ކަރުނަ އިތުރުވެއްޖެއެވެ. މޫނުމަތިން އަތް ނަގައި ރިޟުވާނުގެ ކޮނޑުމައްޗަށް އަތް ވައްޓާލެވުނެވެ. މޭގައި ބޯޖެހިއެވެ.
“ސޮރީ ޝަނޫ!” ރިޟުވާނު މަޑުމަޑުން ޝަނޫރާގެ ގައިގައި ބައްދާލިއެވެ. އޭރު ރިޟުވާނުގެ މޫނުމަތީން ފެންނަނީ ހިތްހަމަޖެހުމެވެ. ތުންފަތްމަތީގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ.
“ޝަނޫ! ދުވަހަކު ވެސް ރިޟޭއަށް ބޭވަފާތެރި ނުވައްޗޭ! އެހެން ހީވާ ކަހަލަ ގޮތަކަށް ވެސް ނޫޅެއްޗޭ! ޝަނޫ އެކަހަލަ ކަމެއް ކޮށްފިއްޔާ ރިޟޭ ވަރަށް ދެރަވާނެ!” ޝަނޫރާ ކުޑަކޮށް ހަމައަކަށް އެޅުމުން، ވަރަށް ލޯބިން ރިޟުވާނު ވާހަކަދައްކަންފެށިއެވެ.
“އަހަންނަކީ އެކަހަލަ މީހެއް ނޫން! އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އަހަރެން އެކަހަލަ ކަމެއް ނުކުރާނަން!” ކަރުނައިން ތެމިފައިވާ ދެ ލޮލުން ރިޟުވާނާ ދިމާއަށް ޝަނޫރާ ބަލައިލީ ހިނިތުންވެލަމުންނެވެ. ރިޟުވާނުގެ ރުޅި މައިތިރިވުމުން ޝަނޫރާގެ ހިތަށް ވަނީ ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ.
“ވަރަށް އުފާވެއްޖެ!” ރިޟުވާނު ވެސް ހިނިތުންވެލިއެވެ. “އަދި ބުނަން! އެއްވެސް ފިރިހެނަކާ ވާހަކަ ނުދައްކައްޗޭ! އިނގޭ! މި ބުނީ ހިލޭ ފިރިހެނަކާ. އެއީ ވަރަށް ގޯސްކަމެއްނު ދޯ!”
ޝަނޫރާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރިޟުވާނުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު، އޭނާގެ ހިތުގައި އެނބުރެމުން ދިޔައީ، ކޮން ކަހަލަ ޚިޔާލުތަކެއްކަމެއް ނޭނގެއެވެ.
“ރިޟޭ މިހެން މި ބުނީ ސަބަބެއް ނެތިއެއް ނޫނޭ! ހިލޭ ފިރިހެނުންނާ ވާހަކަދެއްކުމަކީ، ބޭވަފާތެރިކަމުގެ މަގަށް ވަނުމަށް ޓަކައި އެޅޭ ފުރަތަމަ ފިޔަވަޅު. ދީނީ ގޮތުން ވެސް އެއީ ވަރަށް ގޯސްކަމެއް. އެހެންވީމާ މިކަން އަބަދު ވެސް ވާނެ ހަނދާން ބަހައްޓަން.”
ޝަނޫރާ ބޯޖަހައިލިއެވެ. އެހެންނަމަވެސް އެ ހަރަކާތުގައި އުނދަގޫކަމެއް ހުރިހެން ހީވިއެވެ.
ހަވީރުގެ ވަގުތެވެ. ރިޟުވާނު ވީ ދަތުރަކު ގޮހެވެ. ހަވީރު ފެންވަރާލައިގެން ޝަނޫރާ ކޮޓަރިން ނިކުތް އިރު، ހައްވަ ވެސް އިނީ ފެންވަރައި ރީތިވެލައިގެން ނިކުމެ ސިޓީންރޫމުގައެވެ. ޝަނޫރާ ނިކުތުމާ އެކު، ބޭރަށް ދާން ހައްވަ އެދުނެވެ. އެހެންނަމަވެސް ޝަނޫރާއަށް ދާކަށް ނުކެރުނެވެ. ކުރީ ދުވަހު ކަންހިނގައި ދިޔަ ގޮތް ހިތަށް އަރާފައެވެ. ރިޟުވާނު ރުޅިއަތުވެދާނެތީއެވެ. އެހެންކަމުން އިރުކޮޅަކުން ރިޟުވާނު އަތުވެދާނެއޭ ކިޔައި ގޭގައި މަޑުކުރީއެވެ.
ހައްވަ ދިޔުމުން ޝަނޫރާ ބޭރަށް ނިކުމެ، ޖޯލީގައި ޖައްސައިލިއެވެ. އޮށޯވެލައިގެން އޮތް އިރު، އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، ހަވީރަށް އަލިފަނޑުވަމުން، އުދާސްކެންޑެމުން ދާ އުޑުމަތީގައި، ހިރެމުން ދިޔަ ކަންނެތް ހާފުސްތަކާ ދިމާއަށެވެ. އެހެން އޮތް އިރު، އޭނާގެ ސިކުނޑި ހުސްކޮށްލެވިފައި ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ މެދުގައެވެ. ކައިވެންޏަށް ފަހު، ދިރިއުޅުމަށް ދިން އުފާވެރި ހަނދުވަރަކީ، ފަނޑުވުމެއް ނެތް ދާއިމީ ހަނދުވަރެއްކަމަށް އޭނާއަށް ކުރެވުނު ހީއަކީ، ކުށްހީއެއް ކަމުގައި އޭނާގެ ހިތް ބުނަމުން އެ ގެންދަނީ ކީއްވެގެންބާވައެވެ؟ އެހެން އެކަން ނުވެއްޖިއްޔާ ހާދަ ރަނގަޅެވެ. ދިރިއުޅުމުގެ އަޑިގުޑަން ބޮޑު މައިދާނުގައި ހާދަ ކަރުނައެއް މިހާރު ވެސް އޮހޮރިއްޖެއެވެ. ހިނިތުންވެލަން ބޭނުންވެއެވެ.
ޝަނޫރާއަށް ކުއްލި ސިހުމެއް ލިބުނީ މީހަކު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓި ގޮވައިލި އަޑު އިވިފައެވެ. ދަންނަ އަޑެކެވެ. އޭނާއަށް އަވަސްއަވަހަށް ބަލައިލެވުނެވެ. ފެނުނީ ދެކެފަރިތަ މޫނެކެވެ. ދެ ލޮލަށް އިތުބާރު ނުކުރެވިގެން ބަލައިލާހެން އޭނާއާ ދިމާއަށް ޝަނޫރާއަށް ބަލައިލެވުނެވެ. އޭނާ ހުރީ ދަނބުކުލައިގެ އަތްކުރު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްލައިފައި ޗޮކްލެޓް ކުލައިގެ ނުރަސްމީ ބޫޓެއްގައެވެ. ދުވަސްތަކަކަށް ފަހު ސާމީ ފެނުމުން، އަދި ކުރިއަށް ވުރެ ވެސް މާ ރީތިހެން ހީވެއެވެ.
“ސާ….ސާ…..ސާމީ؟” ޝަނޫރާއަށް ތެދުވެ ޖޯލީގައި އިށީނދެވުނީ އިޚުތިޔާރުން ބޭރުގައެވެ.
“ތި ފެންނަނީ ހަމަ ރަނގަޅަށް. މީ ސާމީއޭ.” ސާމީގެ އަޑުގައި ހުރީ ގާތް ގޮތެކެވެ. “ފިލައިގެން އުޅުނަސް މި އޮތީ ހޯދާފަ.” ސާމީގެ ނަޒަރު ހުއްޓިފައި ހުރީ ޝަނޫރާގެ މޫނަށެވެ. “މިހާރު ހާދަ ރީއްޗޭ! މޫނުމަތި ވެސް ވަރަށް ތާޒާ.” ސާމީ ވަގުތުން ޝަނޫރާއަށް ތައުރީފުކޮށްލިއެވެ.
“ކޮން އިރަކު ސާމީ ރަށަށް އައީ؟” ހާސްވެފައި ހުރެ، މަގުގެ ދެ ކޮޅަށް ޝަނޫރާއަށް ކަޅި ހިންގައިލެވުނެވެ. އޭރު އޭނާގެ ހިތް ވަރަށް ބާރަށް ތެޅެއެވެ.
“މިއަދު ހެނދުނު އައީ. މިތާ އިށީނދެލިޔަސް އޯކޭތަ؟” ޖެހިގެން ހުރި ޖޯއްޔަށް ސާމީ އިޝާރާތްކޮށްލިއެވެ.
“ނޫން! ނޫން! ނީށިންނާތި!” ޝަނޫރާއަށް އަވަސްއަވަހަށް ބުނެވުނެވެ. އޭނާގެ އޭނާގެ ދެ ލޯ ވެސް ހުރީ ބޮޑުވެފައެވެ. ކަންބޮޑުވެފައި ހުރި މިންވަރު މޫނުމަތިން ކިތަންމެ ރަނގަޅަކަށް ވެސް ފެންނާން ހުއްޓެވެ.
“ހާދަ ބިރުން ތި އުޅެނީ؟”
“އާނ! އަހަރެން އެބަ ވަރަށް ބިރުގަނޭ! އަހަންނަށް ރަނގަޅީ މި ތަނުން ސާމީ ދިޔައްޔާ!”
“ޝަނޫ! ހަމަޖެހިބަލަ! އަހަރެން އޭނަ ވަރިކޮށްފައޭ މި އައީ.” ސާމީ ހަމަޖެހިލާފައި އެ ތަނުން އެއް ޖޯލި ދޫކޮށްފައި އިށީނނިއެވެ.
“މަށަށް ހެވޭ ވަރިކުރިޔަސް ނުކުރިޔަސް! މިތަނުން ދާށޭ! މަ އެބަ ވަރަށް ބިރުގަނޭ ސާމީ މިތާ އިނީމަ!” ޝަނޫރާއަށް އިރުއިރުކޮޅުން މަގުގެ ދެ ކޮޅަށް ބަލައިލެވެއެވެ. މަންމައާ އެކު ބޭރަށް ދެވުނު ނަމައޭ ވެސް މިހާރު އޭނާގެ ހިތަށް އަރައެވެ.
“ކޮންކަމަކާތަ މާ ބިރުން ތި އުޅެނީ؟”
“ދާށޭ ބުނީމަ ދާނީއޭ.” ޝަނޫރާ އުޅުނީ އެ ތަނުން އަވަހަށް ތެދުވާށެވެ.
“މަ އެބަހުރި ޝަނޫއާ ވަރަށް ގިނަ ވާހަކަ ދައްކަން. ބޭނުން ބައްދަލުކޮށްލަން.”
“ނުވާނެ! ނުވާނެ ތިކަމެއް!” ޝަނޫރާއަށް ތެޅެގަނެވުނެވެ. ހީވީ ގައިގެ ކޮންމެވެސް ތަނަކަށް ކަށްޓެއް ހެރުނުހެންނެވެ.
“ނުވާނެއޭ؟” ސާމީގެ ދެ ބުމަ ގޮށްޖެހުނެވެ.
“އާނ! ދެން ދޭ މިތަނުން.”
“ކީއްވެތަ ނުވާނެއޭ ތި ބުނީ؟”
“އަހަންނަކީ މިހާރު މީހެއްގެ އަނތްބެއް.”
ޝަނޫރާގެ އެ ޖުމުލައާ އެކު، ސާމީއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ޝަނޫރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ގަބޫލުކުރަން ދަތި ކަހަލަ ގޮތަކަށެވެ.
“ތި ކަހަލަ ސަމާސާ ނުކުރައްޗޭ!” ސާމީގެ މޫނުމަތީން ކުރީން ފެންނާން ހުރި ސިރިޔަސްކަން އެއް ފަރާތްކޮށްލަމުން އޭނާ ކުޑަގޮތަކަށް ހިނިތުންވެލީ ޝަނޫރާ ސަމާސާކުރަނީކަމަށް ހީކޮށްފައެވެ.
“މީ ސަމާސާއެއްނޫން! އަހަންނަކީ މިހާރު މިގޭ ރިޟުވާނުގެ އަންހެނުން.”
“ތީ ދޮގެއް!” ސާމީއަކަށް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.
“ދޮގަކަށް ވިޔަސް ތެދަކަށް ވިޔަސް ހަމަ މިހާރު ދާން އުޅޭ!” ޝަނޫރާ ގާތަށް ރުޅިއަތުވެއްޖެއެވެ. ސާމީ އެ ތަނުން ދާން ނޫޅެ، ވާހަކަ ގިނަކުރާތީއެވެ.
“ހަމަޖެހިބަލަ! އަދި ނުވޭދޯ ރުޅި އަންނާކަށް. މީހަކާ އިނަސް ވާހަކަދެއްކިދާނެއެއްނު.”
“އަހަރެން އުޅޭނެ ގޮތެއް ސާމީއަކަށް ނޭނގޭނެ. އަހަރެން ވެސް ސާމީ އުޅޭ ގޮތަކާ ނުބެހެން.”
“ރުޅި ނައިސް އަހަރެން މި ބުނާ އެންމެ ވާހަކައެއް އަޑުއަހާލަބަލަ! އޭރުން އަހަރެން މި ތަނުން ހިނގައިދާނަން.”
“ތި ބުނާ އެއްޗެއް ބުނެފަ އަވަހަށް ދޭ!” ޝަނޫރާ ބޭނުންވަނީ ކޮންމެ ގޮތަކުން ވެސް ސާމީ އަވަހަށް ފޮނުވައިލާށެވެ.
“އަހަރެން މީހަކާ އިނީ މަޖުބޫރުވެގެން. އަހަރެން އޭރުވެސް މިހާރު ވެސް ލޯބިވަނީ ޝަނޫ ދެކެ. ފުރުސަތެއް ލިބުނު ދުވަހަކުން އެ ވާހަކަ ކިޔައިދޭނަން. އެހެންނަމަވެސް….”
ސާމީގެ ޖުމުލަ މެދުކަނޑައިލަން ޖެހުނީ، ޝަނޫރާ އެ ތަނުން ތެދުވެގެން ހަލުއި ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަނުމުންނެވެ. ސާމީއަށް ހުރެވުނީ ޝަނޫރާ ގޮސް ވަން ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ.
އެ ރޭގެ އިރާކޮޅުގެ ވަގުތެވެ. ޝަނޫރާ އޮތީ ކޮޓަރީގައެވެ. ރިޟުވާނު އަދި ވެސް ގެއަކަށް ނާދެއެވެ. ޝަނޫރާ އޮތީ ރިޟުވާނުގެ އިންތިޒާރުގައެވެ. އޭރު އޭނާގެ ފިކުރު ވަރަށް ބޮޑެވެ. ހިތް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ސާމީ މިއަދު ކުރިކަމެއްގެ ސަބަބުންނެވެ. އެ މަންޒަރު ފެނުނީ ކިތައް މީހުންނަށްކަމެއް ވެސް ނޭނގެއެވެ. ރިޟުވާނާ ހަމައަށް އެ ވާހަކަ ނުގޮތަކަށް ވިޔަސް ހިނގައްޖެއްޔާ، ކަންތަކާ ޖެހުނީއެވެ. ހަދާނީ ކިހިނެއްބާވައެވެ؟ އެ ފަދަ ގޮތެއް ވެއްޖިއްޔާ އޭނާއަށް ދޭނީ ކޮން ޖަވާބެއްބާވައެވެ؟
މި ކަހަލަ ފިކުރުތަކަކުން ސިކުނޑި ބަރުވެފައި އޮއްވާ، އަށެއްޖަހައި އެހައިކަން ހައި އިރު ރިޟުވާނު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ މޫނާއި ބޮލުގެ އިސްތަށިގަނޑު ހުރި ގޮތުން ދަތުރު ނިންމާފައި އައި ގޮތަށް އައީކަން އެނގެއެވެ. ރިޟުވާނު ފެނުމާ އެކު ޝަނޫރާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ރިޟުވާނުގެ މޫނަށެވެ. އެ މޫނުމަތިން އޭނާއަށް ފެނުނީ ނުރުހުމެވެ. ހިތްހަމަނުޖެހިފައި ހުރި ކަމުގެ އަސަރެވެ. މި މަންޒަރު ފެނިފައި ޝަނޫރާގެ ހިތުގެ ތެޅުން ކުރިއަށް ވުރެ ވެސް ހަލުއިވިއެވެ.
“ރިޟުވާނު!” ޝަނޫރާ މަޑުމަޑުން ރިޟުވާނާ ދިމާއަށް ފިޔަވަޅު އަޅަން ފެށިއެވެ. “ހާދަ ހިތްހަމަ ނުޖެހިފައި ހުރިހެން…”
“އާނ! ވަރަށް ރުޅިއައިސްފައި މިހުރީ.” ޝަނޫރާއާ ދިމާއަށް ރިޟުވާނު ބަލައިލީ ރުޅިވެރި މޫނަކާ އެކުގައެވެ.
ޝަނޫރާއަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވީއެވެ. ކޮންމެވެސް މީހެއްގެ ފުށުން ރިޟުވާނާ ހަމައަށް އެ ޚަބަރު ދިޔައީއެވެ. އެހެންނޫން ނަމަ އެހައި ރުޅިއައިސްފައެއް ނުހުންނާނެއެވެ. ރިޟުވާނުގެ ފުށުން “ހަމަލާއެއް” އައުމުގެ ކުރިން ކަންވީ ގޮތް ކިޔައިދޭން ޝަނޫރާ ނިންމިއެވެ. އޭރުން ވެސް ތަންކޮޅެއް ފަސޭހައިން ރިޟުވާނު ފިނިކުރެވިދާނެކަމަށް ބަލާފައެވެ.
“އަހަރެން ދެކެ ރުޅި ނާންނައްޗޭ! ރިޟުވާނު އަންނައިރަށް އެ ވާހަކަ ކިޔައިދޭންވެގެން އަހަރެން މި އޮންނަނީ.” ޝަނޫރާގެ އަޑުގައި ހުރީ އާދޭހުގެ ރާގެކެވެ. އޭރު އޭނާގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދެއެވެ.
“ކޮން ވާހަކައެއް؟” އަލަމާރި ކައިރީގައި ހުރެ ޓީޝާޓު ބާލަމުން ދިޔަ ރިޟުވާނަށް ޝަނޫރާއާ ދިމާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“ރިޟުވާނު ހިތްހަމަނުޖެހިފައި ތި ހުރީ ކީއް ވެގެންކަން މަށަށް އެނގެއޭ.”
“ނޭނގޭނެ ޝަނޫއަކަށް.” ޓީޝާޓު އަލުން ގަޔަށް މަހައިލަމުން، ރިޟުވާނު އައިސް ޝަނޫރާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އޭރު ކުރިން އޭނާގެ މޫނުމަތީން ފެންނާން ހުރި ނުރުހުމުގެ ކުލަވަރު ވަނީ ފަނޑުވާންފަށާފައެވެ. “ރިޟޭ ރުޅިއައިސްގެން މި އުޅެނީ މިއަދު ދަތުރު ދިޔަ މީހާ ދެކެ. އެހެރަ ކަބީލާގޭގައި އުޅޭ ޝާހިދު ދެކެ. ހަތަރެއް ޖަހާއިރު ރަށަށް އަންނާނަމޭ އޭނަ ބުނީމަ ރިޟޭ މިއަދު އެ ދަތުރު ނެގީ ވެސް. އެކަމަކު އެ ރަށަށް ފައިބައިގެން ދިޔަ މީހާ އެނބުރި އައީ ހަތެއް ވެސް ޖެހިފަހުން. ގުޅައިގުޅައި ފޯނެއް ވެސް ނުނެގި. ތިން ގަޑި އިރު މަޑުކުރަން ޖެހުނު އިރު، ވެއިޓިންއަށް ވެސް ފައިސާ ދިނީ އެއް ގަޑިއިރަށް. ރިޟޭ ރުޅި މަޑެއްނު! ބުނަން ހުރި އެއްޗެހި ގިނަކަމުން އެތެރެއަށް ހިންދާލައިގެން މި އައީ.”
ރިޟުވާނުގެ ވާހަކަ ނިމުނު އިރު، ޝަނޫރާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ސާމީ މިއަދު އޭނާއާ ވާހަކަދެއްކިކަމެއް ރިޟުވާނަކަށް ނޭނގެއެވެ. ޝަނޫރާއަށް ހުރެވުނީ ދެން ކުރަންވީ ކަމެއް ނޭނގިފައެވެ. ރިޟުވާނަށް އެކަން ނޭނގުނީތީ ކުރަންވީ އުފާހެއްޔެވެ؟ އޭނާ ބުނަން އުޅުނު ވާހަކައިން ރިޟުވާނު ސުވާލު ނުކޮށްފިއްޔާ ދެން ކިތަންމެހައި ވެސް…..
“ދެން ޝަނޫ ބުނަން ތި އުޅޭ ވާހަކަ ބުނެބަލަ!”
“އެއީ…. އެއީ…..” ޝަނޫރާއަށް އެ ވާހަކަ ފަށާކަށް ފަސޭހައެއް ނުވިއެވެ. މި ވަގުތު ރިޟުވާނު ކިތަންމެ ހަމަޖެހިފައި ހުއްޓަސް، އެ ވާހަކަ ބުނުމާ އެކު އޭނާ ކުދިކުދިވާނެއެވެ. ދެން ހަދާނީ ކިހިނެއްބާވައެވެ؟ އަޅެ އެ ވާހަކަ ނުފެށުނު ނަމައެވެ.
“ހާދަ އުނދަގުލުން ބުނެވޭ ވާހަކައެއް. މިއަދު ވެސް ރިޟޭ ރަށުގައި ނެތީސް، ބޭރަށް ދިޔައީ ދޯ!”
“ނުދަން.” އަވަސް އަވަހަށް ޝަނޫރާ ބޯ ހަލުވައިލިއެވެ.
“ދެން ކޮން ވާހަކައެއް ނުބުނެވިގެން ތި އުޅެނީ؟” ރިޟުވާނުގެ އަޑާއި ރާގަށް ބަދަލު އަންނަންފަށައިފިއެވެ.
“މިއަދު ހަވީރު އަހަރެން ޖޯލީގައި އޮއްވާ ސާމީ އައި.”
“ސާމީއޭ؟” ރިޟުވާނުގެ އަޑު ކުއްލިއަކަށް ބާރުވިއެވެ. ހަރުކަށިވިއެވެ. “ކޮން ސާމީއެއް؟ ޝަނޫ ހިތާވެގެން އުޅުނު ސާމީތަ؟”
ބިރުން ހުރެ ޝަނޫރާ ބޯ ޖަހައިލިއެވެ.
“ކޮން އިރަކު އޭނަ ރަށަށް އައީ؟”
“ނޭނގެ.” ޝަނޫރާ ހުރި ބިރުން ވިރިވިރިއެވެ. ރިޟުވާނުގެ އަޑާއި ރާގު ހުރިގޮތުން، މިހާރު ވެސް އޭނާގެ ރުޅި އެ ހުރީ އަށްޑިހައިގައިހެން ހީވެއެވެ.
“ދެން…..؟ އޭނާއާ ވާހަކަ ދެއްކިންތަ؟”
ރިޟުވާނުގެ އެ ސުވާލާ އެކު ސިހިފައި ޝަނޫރާއަށް ރިޟުވާނުގެ މޫނަށް ބަލައިލެވުނެވެ. އޭރު އެ މޫނު ހުރީ ފުފިފައެވެ. ދެ ލޮލުން އަލިފާންކަނި ބުރަމުން ދާ ކަހަލައެވެ. އެ މަންޒަރު ފެނިފައި ޝަނޫރާގެ ހަތަރެސްފައި ރޫރޫއަޅައިގަތެވެ.
“އަހަރެން…… އަހަރެން އޭނަ ގާތު ބުނިހައި ވެސް އެއްޗަކީ…… އަހަންނަކީ މިހާރު މީހެއްގެ އަނތްބެކޭ. މި ތަނުން ދާށޭ! ދެން….
“ހުއްޓާލާ! ތިވަރުން ފުދިއްޖެ! ފުދި އިތުރުވެސް ވެއްޖެ!” ރިޟުވާނުގެ އަޑު ކޮޓަރިތެރޭގައި ގުގުމައިގަތެވެ. “ހިލޭ ފިރިހެނުންނާ ވާހަކަ ނުދައްކާށެކޭ ޝަނޫ ގާތަކު ނުބުނަންތަ؟” ރިޟުވާ ތުރުތުރުއަޅާކަން ޝަނޫރާއަށް އެނގެއެވެ. “އެހެން ބުނީމަ އެންމެ ފަހުން ތި ވާހަކަ ދެއްކީ ކުރީގެ ލޯބިވެރިޔާއާ.”
“އޭނަ އައިސް ޝަނޫރާއޭ ކިޔާފަ ގޮވައިލީމަ…..
“ތި ވާހަކަ އިތުރަށް ނުދައްކާށޭ ބުނެފީމެއްނު.”
ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ދެ މީހުން ކުރެ އެކަކު ވެސް އަނގައަކުން ނުބުނެއެވެ. ކޮޓަރިތެރޭން އިވޭ އަޑަކީ ފަންކާ އެނބުރޭ އަޑެވެ. ދެން ދެ މީހުންގެ ނޭވާގެ އަޑެވެ. މި ގޮތުގައި ތިންހަތަރު މިނެޓެއް ފާއިތުވެ ހިނގައްޖެއެވެ.
“ޝަނޫއަށް ހަމަ ރަނގަޅަށް އެނގޭނެ ޝަނޫ ދެކެ ރިޟޭ ލޯބިވާވަރު. ފިރިހެނުންނާ ވާހަކަދެއްކީމަ ރިޟޭއަށް ވާނެ ގޮތް. ތި ގޮތަށް ކަންތައް ކުރީމަ ޝަނޫއަށް ރިޟޭ ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ. އެހެންވާކަށް ރިޟޭ ބޭނުމެއް ނޫން!” ރިޟުވާނުގެ އަޑާއި ރާގު މިހާރު ހުރީ ބަދަލުވެފައެވެ. އެ އަޑާއި ރާގުގައި މިހާރު ވަނީ ހިތާމައިގެ ކުލަ ޖެހިފައެވެ.
“ސޮރީ! ދެން އެހެނެއް ނުވާނެ!” ރިޟުވާނުގެ ރުޅި މައިތިރިވުމުން ޝަނޫރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.
“ތި ކަހަލަ ވާހަކަ އަޑުއަހާކަށް ރިޟޭއަކަށް ފަސޭހައެއް ނުވާނެ. އަނެއް ކޮޅުން ތި ކަހަލަ މަންޒަރެއް ރިޟޭއަށް ފެނިއްޖެއްޔާ ނޭނގެ ރިޟޭއަށް ވާނެ ގޮތް ވެސް. ޝަނޫ ހަނދާންކުރާތި! މީގެ ފަހުން ސާމީއާ ދިމާއަށް ބަލައިލައިގެން ވެސް ނުވާނެ! އަދި އެހެން ފިރިހެނަކާ ވެސް ވާހަކަ ނުދައްކާތި!” ޝަނޫރާ ގެނެސް ގަޔާ ކައިރިކޮށްލަމުން ރިޟޭ ވާހަކަދެއްކިއެވެ.
މެންދުރުކުރީގެ ވަގުތެވެ. ހައްވަ އުޅުނީ ބަދިގޭގައި މެންދުރަށް ކެއްކުމުގެ މަސައްކަތުގައެވެ. އިރުކޮޅަކުން ޝަނޫރާ ވެސް އަތުވެއްޖެއެވެ. އޭނާ އެ އައީ ގޭތެރޭގެ މަސައްކަތްތައް ނިންމާލައިފައެވެ. ކުނިކަހައި މޮއްޕުލައި، ދެން ވެސް ގޭތެރޭގައި ހުރި މި ބާވަތުގެ މަސައްކަތް ކުރަނީ މިހާރު ޝަނޫރާއެވެ. އެހެންކަމުން ޝަނޫރާ އައި ފަހުން ހައްވައަށް ވަރަށް ލުޔެވެ.
“ދަރިފުޅާ! ބައްޕަ އެބަ އާދޭ މިއަދު. ދެންމެ ގުޅި.” ހައްވަގެ އަޑުގައި ހުރީ އުފާވެރިކަމެވެ.
“އެހެންތަ؟ މަންމަ ހާދަ އުފާވެފަ ތިހިރީ.” ޝަނޫރާ ހިނިތުންވެލިއެވެ.
“ދަރިފުޅު ވެސް ދޯ!” ޝަނޫރާގެ މޫނަށް ބަލައިލަމުން ހައްވަ ހިނިތުންވެލިއެވެ. “އުފާވާނެއެއްނު! މިހާރު ބައްޕަގެ ހަކުރު ކޮންޓްރޯލުވެފަޔޯ ހުރީ. ޑޮކްޓަރު ބުންޏޯ ހުރިހައި ޓެސްޓެއް ވެސް ރަނގަޅޭ.”
“އަލްހަމްދުލިﷲ!” މޭޒު ދޮށުގައި ޝަނޫރާ ޖައްސާލިއެވެ. “މަންމާ! އަހަރެން ކީއްކޮށްދޭންވީ؟”
“ދަރިފުޅު މިހާރު ތި އިނީ ވަރަށް ވަރުބަލިވެފައެއްނު! އެހެންވީމަ މަންމައާ ވާހަކަ ދައްކާލަން ތިތާ އިނދެލާ! މަންމަ މި ކަންކަން ކޮށްލާނަން.”
“މި ތާނގައި އިނދެގެން ކުރެވޭ ކަހަލަ ކަމެއް ކޮށްފާނަމޭ!”
“އެހެންވިއްޔާ ދެތިން ފިޔާ ނަގައިގެން ނޮޅާލަދީ!”
ޝަނޫރާ ތެދުވެގެން ގޮސް ފިޔާއަޅާ އެތި ބަލައިލި އިރު، އޮތީ ކުޑަކުޑަ އެންމެ ފިޔައެކެވެ. އެހެންކަމުން ފިޔާ ނެތް ވާހަކަ ޝަނޫރާ ބުނުމުން، ހައްވަ އެދުނީ ގެ ކައިރީގައި ހުރި ހަސަންބެ ފިހާރައިން ފިޔައެއް ގަނެގެން އައުމަށެވެ. ފިހާރައަށް އެއްޗެހި ގަންނަން ދާން ޝަނޫރާއަށް ހައްވަ ވަރަށް ނުޖައްސައެވެ. އާންމުކޮށް ގެއަށް އެއްޗެހި ގަންނާނީ ހައްވައެވެ. އެހެންނަމަވެސް މި ވަގުތު ހައްވަ ހުރީ ބޭރަށް ދެވޭ ކަހަލަ ގޮތަކަށް ނޫނެވެ.
އަތިރިމަތީގައި އުޅެފައި ރިޟުވާނު އައީ ގެއާ ދިމާއަށެވެ. އޭނާ އާދައިގެ ހިނގުމެއްގައި އައިސް، އެ ގެ ހުންނަ މަގަށް އަޅައިގެން ތަންކޮޅަކަށް އައިތަނާ ފެނުނީ، ޝަނޫރާ ގެއިން ނިކުތް ތަނެވެ. ޝަނޫރާ ފެނުމާ އެކު ރިޟުވާނުގެ ފިޔަވަޅަށް ކުޑަ ހުއްޓުމެއް އެރިއެވެ. ޝަނޫރާ ހިނގައިގަތީ، މަގުގެ އަނެއްކޮޅަށެވެ. ރިޟުވާނު ވަގުތުން ހިނގައިގަތެވެ. ފިޔަވަޅުތައް ހަލުއިކޮށްލިއެވެ.
ޝަނޫރާ ގޮސް ވަނީ އެ މަގުގައި ހުރި ހަސަންބެ ފިހާރައަށެވެ. ރިޟުވާނު ވަރަށް ބާރަށް ގޮސް، ފިހާރަ ހުންނަ ގޯތި ތެރެއަށް ވަދެ، ފިހާރައިގެ ވަލުފަރާތު ދޮރާ ދިމާގައި ހުރި ރުކެއްގެ ނިވަލުގައި މަޑުކޮށްލިއެވެ. އެ ތަނުގައި ހުންނަ އިރު، ވަރަށް ރީތިކޮށް ފިހާރަ ތެރެ ފެނެއެވެ.
އޭރު ޝަނޫރާ ހުރީ ކައުންޓަރު ދޮށުގައެވެ. ކައުންޓަރުގައި އިނީ ހަސަންބެއެވެ. ހަސަންބެ އިނީ ފިހާރައަށް އައިސް ހުރި، އެހެންމީހަކަށް އެއްޗެއް ވިއްކާފައި ބާކީ ފައިސާ ދޭށެވެ.
ހަސަންބެއަކީ މެދު އުމުރަށްވުރެ ހަރު މީހެކެވެ. ދިގު އިސްކޮޅެއް ލިބިފައިވާ ހިމަތޮޅި މީހެކެވެ. މީހަކާ އިނދެގެން، ހަ ދަރިންނާއި ތިން ކާފަ ދަރިންނާ އެކު، ވަރަށް ހަމަޖެހޭ، ތަނަވަސް ދިރިއުޅުމެއް އުޅޭ މީހެކެވެ.
“ކަނބުލޮ ކޯޗެއް ގަންނަން؟” ފިހާރައަށް އައިސް ހުރި މީހާއަށް ބާކީ ފައިސާ ދީފައި، ޝަނޫރާއާ ދިމާއަށް ބަލައިލަމުން ހަސަންބެ އަހައިލިއެވެ.
“ފިޔާ އެބަހުރިތަ؟” ހަސަންބެ ހިނިތުންވެލުމުން، ޝަނޫރާ ވެސް ހިނިތުންވެލިއެވެ. މި މަންޒަރު ފެނުމާ އެކު ރިޟުވާނުގެ މޭ ތެޅިގަތެވެ.
“އާނ! ފިހާރައަށް ބަލައިލީމާ ވެސް އެނގެއެއްނު ފިޔާ ހުންނާނެކަން.” ހައްސަންބެއަކީ ފިހާރައަށް އަންނަ މީހުންނާ ސަމާސާކުރުމުގައި އަރައި ހުންނަ މީހެކެވެ. އެކަން ނޭނގޭ މީހަކު އެ ރަށަކު ނޫޅޭނެއެވެ.
“ދީބަލަ ފިޔާ ކިލޯއެއް!” އަތުގައި އޮތް ފަންސާސް ރުފިޔާ ހަސަންބެއާ ދިމާއަށް ޝަނޫރާ ދިއްކޮށްލީ، ހަސަންބޭގެ ސަމާސާގައި ބައިވެރިނުވެއެވެ.
ޝަނޫރާ ދިއްކޮށްލި ފަންސާސް ރުފިޔާގެ ނޫޓުގައި ހިފުމަށް ޓަކައި ހަސަންބެ އަތް ދިކޮށްލި އިރު، ރިޟުވާނުގެ ހުރިހައި ހިއްސެއް ހުއްޓިފައި ހުރީ އެ ދިމާއަށެވެ. ހަސަންބެގެ އަތުގެ އިނގިއްޔެއްގެ ކުރި ނަމަވެސް، ޝަނޫރާގެ އަތުގައި ޖެހިލާތޯ، އެ ކަމަށް އޭނާ ހުރީ ހުޝިޔާރުވެ، ފާރަވެރިވެގެންނެވެ. އޭރު މޭގެ ތެރޭގައި އޮވެ އޭނާގެ ހިތް ތެޅިފޮޅެމުން ދަނީ އޮބި ނޯންނަ ދަރަޖައަށެވެ.
ރިޟުވާނުގެ ތެޅެމުން ދިޔަ ހިތަށް ދުލެއް ޖެހުނީ، ހަސަންބެ އެ ފައިސާގައި ހިފިއިރު، ޝަނޫރާގެ އަތުގައި އަތް ނުޖެހޭކަން ޔަގީންވުމުންނެވެ.
“ކޮބާ ތިޟުވާނު؟” ވަތްގަނޑުން ބާކީ ފައިސާ ނަގަމުން ހަސަންބެ އަހައިލިއެވެ.
“ނެތް ގެއަކު.”
” މީހަކާ އިނީމަ މި މަންޖެވެސް ހާދަ ރީތިވެއްޖޭ. އަހަރެމެންނަށް މާ އަވަހަށް ވިއްޔަ ދުނިޔެއަށް މި އާދެވުނީ.”
ހަސަންބެގެ ޖުމުލަ އިވުމާ އެކު، ރިޟުވާނުގެ ގައިގެ ކޮންމެވެސް ދިމާއަކަށް ކައްޓެއް ހަރައިލި ކަހަލައެވެ. އޭނާ ދިޔައީ އެއްލިގެންނެވެ. ދެ އަތް މުށްކެވުނެވެ.
“މީހަކާ އިނދެފަ ސައި ވެސް ނުދީއެއްނު ތިއުޅެނީ.” ބާކީ ފައިސާ ޝަނޫރާ އަތަށް ދީފައި ހަސަންބެ ތެދުވިއެވެ. ހިނގައިގަތީ ފިޔާ ކިރާށެވެ.
ހަސަންބެގެ ކޮންމެ ޖުމުލައަކުން ވެސް ޝަނޫރާއަށް ފެންނަނީ ސަމާސާއެވެ. ސީރިޔަސް ކުލައެއް ނުފެނެއެވެ. އެހެންކަމުން އެ ވާހަކަތަކަށް ހިނިތުންވެލުން ފިޔަވައި އިތުރު އެއްޗެއް އޭނާ ނުބުނެއެވެ.
“ސައިގެ ވާހަކަ ބުނީމަ ހަމަ އަނގައިން ވެސް ނުބުނަން ދޯ ތި ހުންނަނީ. ކޮން އިރަކުން ސައިދޭނީ؟” ފިޔާ ކޮތަޅު ހިފައިގެން އައިސް، ޝަނޫރާ ގާތުގައި ހުއްޓެމުން ހަސަންބެ ސުވާލުކޮށްލިއެވެ.
” ސަޔެއް ނުހަދަމޭ.” ފިޔާކޮތަޅުގައި ހިފަމުން ޝަނޫރާ ހިނިތުވެލިއެވެ. އަދި އެނބުރި ފިހާރައިން ނިކުތުމަށް ޓަކައި ހިނގައިގަތެވެ.
މި މަންޒަރު ދެކެން ހުރި ރިޟުވާނުގެ ދެ ލޯ ހުރީ މުދުނުގައެވެ. ހިތަށް އަރަމުން ދިޔައެވެ. އެ ދެ މީހުން ހާދަ ވާހަކައެއް ދައްކައިފިއެވެ. ފިނިހެނަކު ފެނިއްޖެއްޔާ އަންހެނުން އުޅޭ ވައްތަރު ނިކަން ދެކިބަލާށެވެ. ޒުވާނެއް މުސްކުޅިއެއް ނޯވެއެވެ. ހަސަންބެއަކީ ޝަނޫރާގެ ކާފައާ އެއް އުމުރުގެ މީހެކެވެ. އެކަމަކު އޭނާ ދެއްކި ކޮންމެ ވާހަކައަކަށް އެ ދިޔައީ ހިނިތުންވުމުން ޖަވާބުދީ، އެ ވާހަކަތަކުގައި ބައިވެރިވެފައެވެ.
ރިޟުވާނަށް ދަތްކުނޑި ވިކައިގަނެވުނެވެ. ދެ އަތް މުށް ކަވައިލެވުނެވެ. ނަފުރަތުގެ ލޮލަކުން ހަސަންބެއާ ދިމާއަށް ބަލައިލުމަށްފަހު، ގެއާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާގެ ފިޔަވަޅުތައް ދުރުވެފައި ހަލުތްވެވެ.
“ޝަނޫރާ! އައިސްބަލަ!” ފިޔާކޮތަޅު ގެނެސް މޭޒުމަތީގައި ބަހައްޓާފައި މަންމައާ ވާހަކަ ދައްކަން އިންދާ ޝަނޫރާގެ ކަންފަތުގައި ޖެހުނީ ރިޟުވާނުގެ އަޑެވެ. އެ އަޑު އައި ގޮތުންނާއި ރާގު ހުރި ގޮތުން ކަމެއް ގޯސްވެއްޖެކަން ޝަނޫރާއަށް އެނގުނެވެ. ޝަނޫރާ އަވަސްއަވަހަށް ތެދުވިއެވެ. ރިޟުވާނުގެ އަޑު އައީ ގޭތެރެއިންކަމަށް ވާތީ، އޭނާ އަވަސްއަވަހަށް ގެއާ ދިމާއަށް ހިނގައިގަތެވެ.
ޝަނޫރާ ގޮސް ގެއަށް ވަންއިރު، ރިޟުވާނު ކޮޓަރިއަށް ވަންނަނީއެވެ. ޝަނޫރާ ވެސް ގޮސް ފަހަތުން ވަނެވެ. އޭރު ރިޟުވާނު ހުރީ އެނދު ކައިރީގައި، ޝަނޫރާއަށް ފުރަގަސްދީގެންނެވެ. މަޑު ފިޔަވަޅުތަކެއްގައި ޝަނޫރާ ގޮސް ރިޟުވާނުގެ ގާތަށް ހުއްޓުނެވެ.
“ކިހިނެއްވީ؟” ޝަނޫރާ ހުރީ ޖެހިލުންވާ ގޮތްވެފައެވެ.
ޝަނޫރާގެ ސުވާލާ އެކު ޝަނޫރާއާ ދިމާއަށް ރިޟުވާނު އެނބުރުނެވެ. ރިޟުވާނުގެ މޫނަށް ޝަނޫރާއަށް ބަލައިލެވުނެވެ. އެ ވަގުތު ޝަނޫރާއަށް ފެނުނީ ރުޅިވެރިކަމުން އަނދަމުންދާ މޫނެކެވެ.
“ޝަނޫގެ ކަންފަތް ހުރީ ސަލާމަތުންތަ؟” ރިޟުވާނުގެ އަޑުގައި ރުޅިވެރިކަން ކިތަންމެ ބޮޑަށް އެކުލެވިފައި ހުރި ނަމަވެސް، އަޑު މަޑެވެ.
“އާނ!” ޝަނޫރާއަށް އަވަސްވަހަށް ބޯ ޖަހައިލެވުނެވެ.
“ރިޟޭ ދައްކާ ވާހަކަ އަޑުއިވޭތަ؟”
“އާނ!” ޝަނޫރާއަށް އަނެއްކާ ވެސް ބޯ ޖަހައިލެވުނެވެ.
“ދެން ކީއްވެތަ އެއް ވާހަކައެއް ތަކުރާރުކުރަން ރިޟޭއަށް ތި ޖައްސަނީ؟” މި ފަހަރު ރިޟުވާނުގެ އަޑު ތަންކޮޅެއް ބާރުވެއްޖެއެވެ.
“ކިހިނެއްތަ ވީ؟” ވެގެން މި އުޅެނީ ކީއްކަމެއް އަދި ޝަނޫރާއަކަށް ލަފާ ވެސް ކޮށްނުލެވެއެވެ.
“ޝަނޫ ހީކުރީ ފިހާރައަށް ގޮސް، ހަސަންބެއާ ސަމާސާކޮށް ސަކަރާތްޖަހައި ހަދާފައި އައި އިރު، ރިޟޭއަށް ހަމަ އެއްކަމެއް ވެސް ނޭނގޭނެ ކަމަށްތަ؟”
“ރިޟުވާނޫ! ތިހެން ނޫޅެބަލަ!” ރިޟުވާނު ފެށި ވާހަކައިން ޝަނޫރާއަށް ލިބުނީ ހައިރާންކަމެވެ. އެއީ މީހަކު ރުޅި އަންނަންޖެހޭ ވަރުގެ ކަމެއްހެއްޔެވެ؟
“އަދި ވެސް ރިޟޭތަ ގޮތަކަށް މި އުޅެނީ؟” ރިޟުވާނު ކެކިގަތެވެ. “ހާދަ ރީއްޗޭ، ހާދަ އަނެކެއްޗެކޭ އެ ހަސަންބެ ކީ އިރު، އުފަލުން ހެވި ދިލިފައި ހުރީ ރިޟޭތަ؟”
“އެއީ އޭނަ ސަމާސާއަކަށް ކީ އެއްޗެކޭ! އެހައި ސީރިޔަސް ނުވެބަލަ! އަހަންނަކީ ރިޟުވާނުގެ މީހެކޭ. އަހަރެން އަބަދު ވެސް ހުންނާނީ ރިޟުވާނުގެ އަނތްބެއްގެ ގޮތުގައޭ. ރިޟުވާނު ނޫން މީހަކަށް އަހަރެންގެ ހިތަކުން ޖާގައެއް ނުދޭނަމޭ! ގަބޫލު…”
“އެކަމަކު އެކަހަލަ ސަމާސާއެއް ރިޟޭއަކަށް ކަމަކު ނުދޭ.” ކުއްލިއަކަށް ޝަނޫރާގެ އަތުގައި ހިފައި ގަޔާ ކައިރިކޮށްލަމުން ރިޟުވާނު ބުންޏެވެ. އޭރު އޭނާގެ އަޑުގައި ކުރިން ހުރި ރުޅިވެރިކަން ވަނީ ކުޑަވެ، ފިނިވާން ފަށާފައެވެ. “ކީއްވެތަ އެންމެން ޝަނޫއާ އަޅައިގަނެގެން އުޅެނީ؟ މި ރަށުން އަންހެނުން ހުސްވީތަ؟ ރިޟޭގެ އަންހެނުން ނޫން މީހަކު އެ މީހުންނަށް ނުފެންނަނީތަ؟”
“އެއީ އަޅައިގަނެގެން ކިޔާ އެއްޗެއް ނޫނޭ ރިޟުވާނޫ. ގޯސްކޮށް ނުވިސްނަބަލަ!”
“އެކަމަކު ވެސް ހެޔޮ. އެމީހުން ނުޖެހޭނެ ރިޟޭގެ އަނތްބަކާ ސަމާސާ ކުރާކަށް. މަންމަގާތު ބުނާތި، މީގެފަހުން ފިހާރަ ފިހާރައަށް އެކަނި ނުފޮނުވާށޭ!” ޝަނޫރާގެ ގައިގައި ރިޟުވާނު ބައްދާލި އިރު، އޭނާގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.
“ތިހެން ނޫޅެބަލަ! އަހަރެން ރިޟުވާނަކަށް ބޭވަފާތެރިއެއް ނުވާނަމޭ!”
ޝަނޫރާގެ މި ޖުމުލައާ އެކު، ރިޟުވާނު ތެޅިގަތެވެ. ހަމަ ކުއްލިއަކަށް ޝަނޫރާގެ ގައިން ދޫކޮށްލައި، ޝަނޫރާ ދުރަށް ޖައްސައިލިއެވެ. ހީވީ ބޮޑު ބިރެއް ފެނުނުހެންނެވެ. ރިޟުވާނުގެ އެ ހަރަކާތާ އެކު ޝަނޫރާ ވެސް ސިހުނެވެ.
“ތީގެ މާނައަކީ މަންމަ ގާތުގައި އެ ވާހަކަ ނުބުނާނަމޭތަ؟ އަދި ވެސް އެ ފިހާރައަށް ދާނަމޭތަ؟” ރިޟުވާނުގެ އަޑު ހަމަ ކުއްލިއަކަށް ބާރުވިއެވެ. “ބޭވަފާތެރިވާ މީހާގެ އަނގައިން ވެސް ބޭރުވާނީ ހަމަ ތި ކަހަލަ މާތް ޖުމުލަ! ފިރިމީހާ ކަނުބަނދެފަ ބަހައްޓައިގެން، ހިތަށް އެރި ގޮތަކަށް އުޅޭނީ. ޝަނޫއަކަށް އެ އުޅުމެއް ނޫޅެވޭނެ!”
ޝަނޫރާ މަޑުމަޑުން ކުރިއަށް ޖެހިލައި، ރިޟުވާނުގެ ކޮނޑުގައި ބޯ އަޅައިލުމާ އެކު، އޭނާއަށް ރޮވިއްޖެއެވެ. ހިތަށް އަރަމުން ދިޔައެވެ. މި ކަހަލަ މީހަކާ އިނދެގެން މަށަށް ކެތްކުރެވޭނެ ބާވައެވެ؟
“އެންމެން އެއްގޮތެއް ނުވާނެ! އަހަރެން ދުވަހަކު ވެސް އެ ކަހަލަ ގޯސް އުޅުމެއް ނޫޅޭނަން. ދުވަހަކު ވެސް ނޫޅޭނަން. އަހަންނަށް އިތުބާރުކުރޭ! ހެޔޮނުވާނެ!”
ޝަނޫރާގެ އެ ވާހަކަ އަޑުއަހާން ހުރެފައި، ރިޟުވާނަށް ދެ ލޯ މަރައިލެވުނެވެ. އޭނާ މަޑުމަޑުން ދެ އަތް އުފުލައިލައި، ޝަނޫރާގެ ގައިގައި ބައްދާލިއެވެ.
ޝަނޫރާއާ ބައްދަލުވި ދުވަހު އޭނާ ކަންތައްކުރި ގޮތާއި ބުނި ބަހުގެ ސަބަބުން ސާމީގެ ހިތަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭނާ ރަށަށް އައީ، ވަރަށް ފޮނި އުއްމީދަކާ އެކުގައެވެ. ޝަނޫރާ އޭނާގެ ހަޔާތުން ބީވެދާނޭ ކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ. އޭނާ ނިންމައިގެން ހުރީ، ރަށަށް އައިސް ލަސްނުކޮށް ޝަނޫރާއާ ކައިވެނި ކުރުމަށެވެ. އެހެންނަމަވެސް އެ ހުރިހައި އުއްމީދެއް ފެނަށްވެ ދިޔައީއެވެ. އޭނާގެ ލޯބި އޭނާގެ އަތުން ބީވެ ދިޔައީއެވެ.
ސާމީ މަސައްކަތްކުރީ ޝަނޫރާގެ މަތިން ހަނދާން ނައްތާލާށެވެ. ޝަނޫރާގެ ބާބު ލައްޕައިލާށެވެ. އާ ދިރިއުޅުމަކަށް އުއްމީދުކޮށް މަސައްކަތްފަށާށެވެ. އެހެންނަމަވެސް އެ ކަމެއް އޭނާއަކަށް ނުވިއެވެ. އެންމެ ވަގުތުކޮޅަކަށް ވެސް ޝަނޫރާގެ ހަނދާންތަކުން އޭނާއަކަށް މިންޖެއް ނުވެވުނެވެ. ހޭލާ ހުއްޓަސް ނިދާފައި އޮތަސް އެންމެ ގާތުގައި ހުންނަނީ ޝަނޫރާއެވެ. ދެކޭހިތް ވަނީއެވެ. ވާހަކަދައްކާ ހިތްވަނީއެވެ. ޝަނޫރާއާ އެ ދުވަހު ދިމާވިފަހުން، އޭނާގެ ހިތުގައި ޝަނޫރާގެ ޚިޔާލުތައް ވަނީ މާ ބޮޑަށް ގަދަވެފައެވެ.
މިއަދު ވެސް އޭނާ ކޮޓަރީގައި އެ އޮތީ ޝަނޫރާގެ ޚިޔާލުގައެވެ. ނިތްމަތީގައި އެއް އަތް ބާއްވާލައިގެން، ޝަނޫރާގެ ޚިޔާލަށް ގެއްލިފައި އޮވެވުނީ ކިހައި އިރަކުކަމެއް ނޭނގެއެވެ. އެހެން އޮއްވާ އޭނާގެ ދެ ލޮލުގައި ކަރުނައިގެ ތެތްކަން ހިފާން ފަށައިފިއެވެ. އޭނާ މަޑުމަޑުން ތެދުވެ ދެ ލޯ ފޮހެލިއެވެ. ލޯ ގަނޑު ކުރިމައްޗަށް ހުއްޓި މޫނު ފޮހެލައި، އިސްތަށިގަނޑު ރީތިކޮށްލައިގެން ބޭރަށް ނިކުތީ، އެ ޚިޔާލުތަކާ އެއް ފަރާތްވެވޭތޯއެވެ.
ސާމީގެ މިސްރާބު ހުރީ ރަށުގެ އުތުރު ފަރާތު އަތިރިމައްޗަށެވެ. އެއީ އެ ދުވަހުގެ ހަވީރުގެ ވަގުތެވެ. އޭނާ އަތިރިމައްޗަށް ފޭބިއިރު، އެ ތަނުން ޖޯއްޔެއްގައި އައިސްތު އިންދާ ފެނިއްޖެއެވެ. އައިސްތު ފެނުމާ އެކު، ސާމީއަށް ވަގުތުން އެ ދިމާއަށް ހިނގައިގަނެވުނެވެ.
“އައިސްތު! ކިހިނެއް؟” ސާމީ އައިސް އެ ތަނުން ޖޯއްޔެއްގައި ޖައްސާލިއެވެ.
“ރަނގަޅު!” އައިސްތުގެ އަޑަކު މާ ގާތް ގޮތެއް ނެތެވެ. “ކޮން އިރަކު އައިސް ތި އުޅެނީ؟”
“މިހާރު ތިން ދުވަސްވީ.”
“އެކަމަކު ނުއެއް ފެނޭ.”
“އާނ! ގެއިން ވަރަށް ނުނިކުންނަން.”
“އެއީ؟”
“ނިކުންނަ ހިތް ނުވަނީ. ޝަނޫ ވެސް، އަންގައި ވެސް ނުލައި މީހަކާ އިނީވިއްޔަ!”
“ސާމީ ތިހެން ބުނާކަށް ރީއްޗެއް ނޫން!” ވަގުތުން އައިސްތު ބުންޏެވެ. “ޝަނޫއަށް އަންގާނުލައި ސާމީ ވެސް މީހަކާ އިނީނު! އޭނަ އޭރު ކުރި ހިތާމަ މަށަށް ދޯ ފެންނާނީ. މިއަދު ދެން ތި ވާހަކަ ދައްކާނެކަމެއް ނެތް!”
“ގަބޫލުކުރަން! ދެރަވާނެކަން ވެސް އެނގޭ. އެކަމަކު މަށަށް ވެސް އެ ކައިވެނި ކުރުން ނޫން ގޮތެއް އޭރު ނެތީ.”
“ތީ ދެން ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫން! މީހަކާ ރައްޓެހިވެގެން ހުރެ އެހެން މީހަކާ އިންނަ އިރު، ވީ ގޮތެއް ވެސް ބުނެލަންޖެހޭނެތާ!”
“ނޭންގީ ވެސް ޝަނޫ އިތުރަށް ދެރަކުރަން ބޭނުންނުވާތީ. އެކަމަކު އަހަރެން ބޭނުން މިހާރު އޭނާއަށް އެކަން ކުރަންޖެހުނު ސަބަބު ކިޔައިދޭން!”
ރިޟުވާނުގެ އެ ވާހަކައަކަށް އައިސްތު އެއްވެސް އެއްޗެއް ނުބުނެއެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކަށް ނަޒަރު ހުއްޓާލައިގެން އޮތީއެވެ. މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމެވެ.
“މަށަށް އެނގޭ އައިސްތު ވެސް ތި އޮންނަނީ ހިތްހަމަނުޖެހިފައިކަން.” ސާމީއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “އަހަރެން މި ވާހަކަ އައިސްތުއަށް ކިޔައިދިނީމަ އައިސްތުއަށް ކެރޭނެތަ ޝަނޫއަށް ކިޔައިދޭން!”
“ވޭތޯ ބަލާނަން!” އައިސްތުގެ ޖަވާބު ވަރަށް ކުރެއެވެ. “ކިޔާބަލަ!”
“އަހަރެން ބޭރަށް ކިޔަވަން ދިޔައީ ބައްޕަގެ ރަޙުމަތްތެރިއެއްގެ އެހީގަ. އެކަން ޝަނޫއަށް ވެސް އެނގޭނެ. ކިޔެވުމުގެ ފުރަތަމަ އަހަރު ނިމި، ދެވަނަ އަހަރުގެ ކިޔެވުން ފެށުނުތަނާ، އޭނާ އަހަރެންގެ ކިބައިން އެދުނީ އޭނާގެ އަންހެންދަރިއާ ކައިވެނިކުރަން. އަހަރެން ވަގުތުން އެ ކައިވެންޏަށް އިންކާރުކުރިން.”
“ހާދަ ފޭކޭ ތި ސްޓޯރީ. ގަބޫލުކުރެވޭ ކަހަލަ ސްޓޯރީއެއް ހަދާލައިގެން އައިސް ކިޔައިދޭން ފެށި ނަމަ.” އައިސްތުގެ އަޑުގައި ހުރީ މަލާމާތުގެ ރާގެވެ.
“އަޑުއަހާބަލަ! އަހަރެން ކައިވެންޏަށް އިންކާރުކުރީމަ އެ މީހުން ހަމަ އާދޭސްކުރި. އެ ކައިވެނި ކޮށްފިއްޔާ ކިޔެވުމުގެ ޚަރަދު އަނބުރައި ދޭކަށް ނުޖެހޭނެއޭ ވެސް ބުނި. އެ ވަރުން ވެސް އަހަރެން އެއް ބަހެއް ނުވަން.”
“އެހައި މުއްސަނދި މީހެއްގެ ދަރިއަކު، ސާމީ ކަހަލަ އާދައިގެ މީހަކާ ދެވަން އެވަރަކުން އުޅުމުގެ ބޭނުމަކީ ކޮބައި؟ ތި ވާހަކަ ޤަބޫލެއް ނުކުރެވޭ.”
“ފުރަތަމަ މަގޭ ހިތުގައި ވެސް ތި ސުވާލު އުފެދުނު. ވީ ގޮތް އެނގުނީ ފަހުން.”
“ދެން ކިޔައިބަލަ!” ސާމީ ދައްކާ ވާހަކަ އެއްގޮތަކަށް ވެސް، އައިސްތު ގަބޫލުކުރާހެނެއް ހިޔެއް ނުވެއެވެ.
“އަހަރެން މެލޭޝިޔާއަށް ދިޔަ ފުރަތަމަ އަހަރު ޗުއްޓީގައި، އެ އާއިލާ ވެސް މެލޭޝިޔާއަށް ދިޔަ. އަހަންނާ ބައްދަލުކުރަން ވެސް އައި. އެ ދަތުރުގައި އޭނާގެ މި ބުނާ އަންހެން ދަރިފުޅު ވެސް އައިސް އުޅުނު.”
“އެ ދަތުރުގައި ދެ މީހުން ހިތާވީ ދޯ!”
“އައިސްތު ޤަބޫލު ނުކުރިޔަސް ހަގީގަތް މި ކިޔައިދެނީ. އެ މީހުން މަހެއް ހައި ދުވަހު ތިބެފަ ދިޔައިރު، ހައެއްކަ ފަހަރު މަށާ ދިމާވި. އެކަމަކު އަހަންނަކަށް އެ ކުއްޖާގެ ނަމެއް ވެސް ނޭނގޭ. ވާހަކައެއް ވެސް ނުދައްކަން. އޭގެ ހައެއްކަ މަސް ފަހުން އޭނާގެ ބައްޕަ ގުޅާފަ އަހަންނަށް ހުށަހެޅުނީ އޭނާއާ ކައިވެނި ކުރަން.”
“އޭގެ ފަހުން ބައްދަލު ވެސް ނުވޭ؟”
“އާނ!”
“ދެން….؟ ކުއްލިއަކަށް ކައިވެނި؟”
“އެ ދަތުރުގައި އޭނާ އަހަރެން ދެކެ މާ ބޮޑަށް ލޯބިވީޔޯ.”
“އެހެންވޭތަ؟ އައިސްތު ހޭންފެށިއެވެ. “ތީ ހަގީގަތްކަމަށް ވަންޏާ ލަދަކުން ސަލާމަތްކުރަން ހޯދި ފޭރާމެއް ތީ.”
“ތި ކަހަލަ އެއްޗެހި ނުކިޔާ! އެއީ އެކަހަލަ ކުއްޖެއް ނޫން! އެއަށްވުރެ މާ އަބުރުވެރި ރަނގަޅު ކުއްޖެއް. ވަރަށް މާތް ކުއްޖެއް!”
“ދެން ތިހައި ރަނގަޅު ކުއްޖެއްވިއްޔާ، އެ ކުއްޖާއާ އެކު އުޅެންވީނު. ދެން ކޮންމެހެން ޝަނޫއަށް އުނދަގޫކުރާނެކަމެއް ނެތެއްނު!”
“އައިސްތު! އަޑުއަހާބަލަ! އެ ކުއްޖާގެ ކައިވެނި މަށަށް ހުށަހެޅުނު އިރު އެ ކުއްޖާ ވަނީ ލެއަށް ކެންސަރު ޖެހިފަ. އެކަން އެނގުނުއިރު ހުރީ ފަހު ސްޓޭޖުގަ. އެހެންވެ ޑޮކްޓަރު އެންގީ އޭނާގެ ހަޔާތުން ބާކީ އޮތް ދުވަސްކޮޅު، އުފަލުގައި އޭނާ ގެންގުޅެން. އޭރުވެސް އެ މީހުންނަށް އެނގޭ އޭނަ މަ ދެކެ އިންތިހާއަށް ލޯބިވާކަން. އެހެންވެ އޭނާގެ ޔަހާތުގެ ފަހު ދުވަސްކޮޅު އެ އުފާ އޭނާއަށް ހޯދައިދޭން އެ އާއިލާއިން ބޭނުންވީ. އެ ވަރުގެ ކަމަކަށްވީމާ އިންކާރުކުރަން މަށަށް ވެސް ނުކެރުނީ.”
ސާމީގެ ވާހަކަ މިހައި ހިސާބަށް ދިޔަ އިރު، އައިސްތު އިނީ ބަސް ހުއްޓި، ސާމީގެ ކަރުނައިން ތެމެމުން ދިޔަ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ.
“އައިސްތުއަށް އެނގޭތަ؟ އަހަރެން އެ ކުއްޖާއާ ކައިވެނިކުރިތާ ތިން މަހެއްހައި ދުވަސްތެރޭ، އޭނާ ދުނިޔެ ދޫކޮށްފި.” ސާމީގެ އަޑު ތުރުތުރުއަޅައިގަތެވެ.
“އަސްލުވެސްތަ؟” އައިސްތުގެ ވާހަކަ އަޑުއަހާފައި ޝަނޫރާގެ ދެ ލޯ ބޮޑުވިއެވެ. އެ ދެމީހުން އޭރު ތިބީ ޝަނޫރާމެންގޭ ބޭރު ޖޯލިފަތީގައެވެ.
“އާނ! ސާމީ ކިޔައިދިން ގޮތަށް މި ކިޔައިދިނީ.”
“އަޅެ ވީ ގޮތް ކުރިން ވެސް ތި ވާހަކަ ރަނގަޅަށް ކިޔައިދިން ނަމަ ދޯ!”
“ދެން އެކަމާ ނުވިސްނާ! އެއީ މާޒީ. މިހާރު ވިސްނާނީ މިހާރަށް. މުސްތަގުބަލަށް. މިހާރު ތި އިނީ ދިރިއުޅުމެއް ފެށިފަ.”
“އާނ، ދިރިއުޅުމެއް ފެށިފަ މި އިނީ.” ޝަނޫރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“ކިހިނެއްވީ؟ ހާދަ އެހެންކަހަލަ ގޮތަކަށް ތި ބުނީ.”
“ރިޟުވާނާއެކު އުޅެވިދާނެބާއޭ މަގޭ ހިތަށް އަރަނީ.”
“އެއީ؟”
“ޝައްކު މާ ބޮޑީ. ވެލިފުކެއްވަރުގެ ކަމެއް ވެސް، ފަރުބަދައަކަށްވުރެ ބޮޑުކޮށްލާ! މަށަށް މަނާވާނެ ފިރިހެނަކާ އަނގައިންބުނުން ކީއްކުރަން، ބަލައިލުން ވެސް.”
“ނުވާނެ!”
“ހަމަ ހުވާ! އިއްޔެވެސް ރާވެރިގޭ އަހަންމަދުބޭ ފުރަން ދަމުން މަފެނިގެން އައިސް، މަށާ ސަލާންކޮށްލިކަމަށް ޓަކައި ވެސް ހީވީ، ބޮޑު ފާފައެއް މަށަށް ކުރެވުނުހެން. އެވަރުވީމަ އެއީ ދެން ބޮޑުވަރު ދޯ. އުމުރުން ދުވަސްވެ މުސްކުޅިވެފަ ހުރި މީހެއްވިއްޔަ އެއީ.”
“އެހެންވިއްޔާ ތީ ދެން ތަންކޮޅެއް ބޮޑުވަރު.”
“އިންޝާ ﷲ! ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެ ކަމަށް މި އުއްމީދުކުރަނީ.”
ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން، ރަށުގެ މަގުތައް ފެންނަނީ އެހެން ދުވަސްދުވަހާ އަޅައިބަލާ އިރު ފަޅުކޮށެވެ. ފަތިސް ނަމާދުކޮށްލައިގެން އިރުކޮޅަކު ކިޔަވާލަން އިނދެފައި، އިލޮށިފަތި ހިފައިގެން ޝަނޫރާ ނިކުތީ ކުނިކަހައިލާށެވެ. ގޯތިތެރެ ކުނިކެހުމަށްފަހު މަގު ކުނިކަހާލުމަށް ޓަކައި އޭނާ މަގަށް ނިކުތެވެ.
އިރުކޮޅަކުން ފަހަތުން މީހަކު އައިސް، ޝަނޫރާ ކުނިކަހާން އޮތް އިލޮށިފަތި މައްޗަށް އަރައިފިއެވެ. އޭނާ ސިހިފައި ބޯ އުފުލައި ބަލައިލިއެވެ. ކުރިމަތީގައި ހުރީ ރިޟުވާނެވެ. މޫނުމަތިން ފެންނާން ހުރީ ނުރުހުމުގެ ކުލަވަރެވެ.
“ކިހިނެއްވީ؟” ޝަނޫރާއަށް އަވަސްއަވަހަށް އަހައިލެވުނެވެ. “ކޮފީ ތަށްޓެއް ހަދަންވީ؟”
“ތިގޮތަށް މަގުމަތީގަ ގުދަށް އޮންނައިރު، މީހުން ބަލާނެކަމެއް ނޭނގޭތަ؟ ކިތަން ފިރިހެނުންގެ ލޮލުގަ ޝަނޫ އަޅައިގަންނާނެ؟”
“ރިޟުވާނޫ! ހެޔޮނުވާނެ! ތިހެން ނޫޅެބަލަ! މީ ވެސް ކުރަން ޖެހޭ ކަންކަމެކޭ!” ހިންދެމިލައި ރިޟުވާނުގެ މޫނަށް ޝަނޫރާއަށް ނަޒަރު ހުއްޓައިލެވުނެވެ.
“ކުރަންޖެހޭ ކަންކަމޭ ކިޔާފައި، މީހުން ކޮޅުކޮޅަށް ހިނގާ ބޮޑު މަގެއްގައި، ތިހެން ގުދަށް އޮތީމަ ފެންނަ މަންޒަރު މާ ތާހިރެއް ނޫނޭ!”
“އެކަމަކު މަ ނުކުރީމަ ދެން ކާކު މިކަން ކުރާނީ؟ މަންމައަށް މި ބުރަ ޖައްސާކަށް މަށެއް ބޭނުމެއް ނޫން!”
“އެހެންވިއްޔާ ކޮޅަށް ހުރެ ކުނި ކަހާ! ގުދަށް އޮތީމަ އެހެން ވައްތަރެއް ޖަހަނީ؟” އިރުކޮޅަކު ވިސްނައިލަން ހުރެފައި ރިޟުވާނު ބުންޏެވެ.
އިލޮށިފައްޗަކުން ކިހިނެއް ކޮޅަށްހުރެ ކުނި ކަހާނީ؟” ޝަނޫރާގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމެވެ. ބޯ ހާސްވެފައި ހުންނަ ކަހަލަ ކުލަވަރެކެވެ.
“މަށަންދައްޗެއް މިއަދު ހޯދާނަން! މި ވަގުތު ތި ބަހައްޓާފައި އެތެރެއަށް ވަދޭ!”
އެންމެ ފަހުން ޝަނޫރާއަށް ޖެހުނީ، ކުނިކެހުން ހުއްޓާލައިފައި އެތެރެއަށް ވަންނާށެވެ. ރިޟުވާނު އަތިރިމައްޗަށް ދިޔައީ ޝަނޫރާ ގެއަށް ވަނުމުންނެވެ.
އަތިރިމައްޗަށް ދިޔަ މަގުމަތީގައި ރިޟުވާނަށް ސާމީ ފެނުމުން، ރުޅިވެރި ނަޒަރަކުން ސާމީއާ ދިމާއަށް ކަޅިއަޅައިގަތެވެ. އެ މަންޒަރު ސާމީއަށް ފެނުނެވެ. އެހެންނަމަވެސް އޭނާ އަޅައެއް ނުލައެވެ. ފެންނަކަމަށް ވެސް ނުހަދައެވެ. ރިޟުވާނުގެ ގޮތްފާޑު އޭނާއަށް އެނގެއެވެ. ސާމީ ގަބޫލުކުރާ ގޮތުގައި ރިޟުވާނަކީ ނަފުސާނީ ބަލިޖެހިފައި ހުރި މީހެކެވެ.
ގެއިން ބޭރަށް ނުނިކުމެ އުޅެވޭތޯ، ޝަނޫރާ މިހާރު ވަރަށް މަސައްކަތްކުރެއެވެ. މަޖުބޫރުވެގެން ނޫން ގޮތަކަށް، ގެއިން ބޭރަށް އޭނާ މިހާރު ބޯ ވެސް ދިއްކޮށްނުލައެވެ. ފިޔަވަޅެއް ވެސް ނާޅައެވެ. ރިޟުވާނު ދެރަކުރަން، ރުޅިއަރުވަން ބޭނުންނުވާތީއެވެ. އެހެންނަމަވެސް ދޭތެރެއަކުން ކޮންމެވެސް ކަމަކު ހައްވަ ބުނެގެން، އޮންނަނީ ނިކުންނަން ޖެހިފައެވެ. އެއިން ކަމެއް ރިޟުވާނަށް އެނގޭ ކޮންމެ ފަހަރަކީ ޝަނޫރާއަށް ވަރުގަދަ ހަނގުރާމައަކާ ކުރިމަތިލާންޖެހޭ ފަހަރެކެވެ.
ދިރިއުޅުމުގެ މާ ބޮޑު އުފަލެއް ޝަނޫރާއަށް ނުލިބި، މިކަހަލަ ގޮތަކަށް ދުވަހަކަށް ފަހު ދުވަހެއް މާޒީގެ ފަތްފުށްތަކާ އެކުވަމުންދެއެވެ. މިއަދަކީ ވެސް އޭގެތެރެއިން ދުވަހެކެވެ. މެންދުރުކުރީގެ ވަގުތެވެ. ޝަނޫރާއާއި ހައްވަ އުޅުނީ ބަދިގޭގައި މެންދުރަށް ކެއްކުމުގެ މަސައްކަތުގައެވެ. އިރުކޮޅަކުން ބަދިގެ ދޮރުމައްޗަށް އައިސް ހުއްޓުނީ ތުއްތުމަނިކެވެ. ބާ ޓީޝާޓަކާއި ގޮޅިޖެހި މުންޑެއް އަނދެ، އަރުވަޖަހާލައިފައި ހުރި އިރު، އޭނާ އަތުގައި ދިގު އަނާދަނޑިއެއް އޮތެވެ.
ތުއްތުމަނިކަކީ ފަންސާހުގެ އަހަރުތައް ގުނަމުން ގެންދާ މީހެކެވެ. އެއީ އެ ރަށު މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ.
“ހައްވާ!” ބަދިގޭ ދޮރުމައްޗަށް ހުއްޓި ތުއްތުމަނިކު ގޮވައިލިއެވެ.
“އޯތް!” ބަދިގެތެރެއިން ހައްވަ ނިކުތެވެ. “އަހަނ! މި އޮތް އައީ ތުއްތުމަނިކު. ތި އައީ އެ ކެޔޮކޮޅު ކަނޑާލަން ދޯ!”
“އާނ! ސައީދު ގުޅާފަ ކެޔޮކޮޅު ކަނޑައިލަދޭން އައިސްބަލާށޭ ބުނެގެން މި އައީ. ކޮބާ އޭނަ؟”
“އޭނަ ފުރައިފި. އެއީ ރަށުގައި މަޑުވާ މީހެއް ނޫނެއްނު! ދަރިފުޅާ ޝަނޫރާ! ގޮސްބަލަ ތުއްތުމަނިކާ އެކު. ގޮސް ގަހުގަ ހުރި ބަނބުކެޔޮކޮޅު ދައްކަބަލަ!” ޝަނޫރާއާ ދިމާއަށް ބަލައިލަމުން ހައްވަ ބުންޏެވެ. “ތުއްތުމަނިކާ! ދޭ އެމަންޖެއާ އެކު. އަހަރެން މިއުޅެނީ އެއްޗެއް އުނދުންމައްޗަށް އުދައިގެން.”
ދާން ނުދާން ހުރެފައި، ތުއްތުމަނިކުގެ ފަހަތުން ޝަނޫރާ ހިނގައިގަތެވެ. ރިޟުވާނަށް މި ތަން ފެނުނަސް ވާނީ ބޮޑު މައްސަލައަކަށްކަން އެނގޭތީއެވެ.
ތުއްތުމަނިކު ގޮސް ގަހަށް އަރައިފިއެވެ. ޝަނޫރާ ހުރީ ގަސްދޮށުގައެވެ. ގަހުގެ އެކި ދިމަދިމާއަށް ކަޅި ހިންގަމުން އޭނާ ގެންދިޔައެވެ. ދޮންވެފައި ހުރި ބަނބުކެޔޮ ހުރި ދިމަދިމާ ތުއްތުމަނިކަށް ދެއްކުމަށެވެ. ތުއްތުމަނިކު ފަހަރަކު ކޭލެއް ކަނޑަމުން ގެންދިޔައެވެ.
ގޭތެރޭގައި އޮވެއޮވެ ފޫހިވެގެން، ސާމީ ބޭރަށް ނިކުމެލިއެވެ. ކުޑަކޮށް ހިނގައިލުމަށެވެ. އޭނާގެ ގަސްތުގައި އޮތީ، އަތިރިމައްޗަށް ފައިބައިލުމެވެ. ރާޅުފެނުގައި ހިނގައިލުމެވެ. ލޮނުވެލީގައި ޖެހިލުމެވެ. އެހެންނަމަވެސް ދެވުނީ އެހެން ދިމާއަކަށެވެ. ޚިޔާލީ އޮއިވަރުގައިޖެހި އޭނާ އައިސް ލެއްގީ، ޝަނޫރާމެންގެއާ ދިމާއަށެވެ. ރޭކާލީ އެ ގޭ ކައިރީގައި ހުއްޓައެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އެނބުރި އައި ކޮޅަށް ހިނގައިގަތެވެ. އިއްތިފާގުން އެ ވަގުތު ވީ ރިޟުވާނަށް ގެއާ ހަމައަށް އާދެވުނު ވަގުތަށެވެ.
“މިހާރު ކަލޭގެ ކަންތައް މާ މައްޗަށް ތި ދަނީ އިނގޭ!” ގޭ ދޮށުން ސާމީ ފެނުމާ އެކު ރިޟުވާނުގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.
“ކިހިނެއްވީ؟” ރިޟުވާނުގެ ނުރުހުން އަމާޒުވި ސަބަބު އެނގި ހުރެ ސާމީ އަހައިލިއެވެ. ހައިރާންކަމާ އެކުގައެވެ.
“ކިހިނެއްހޭވީ؟ ބަލަ ޝަނޫރާއަކީ ރިޟޭގެ އަނތްބެއްކަމެއް ކަލެއަކަށް ނޭނގޭތަ؟ އަބަދު މި ގޭދޮށުން މުގޯލި އަޅައަޅައި ތިހުންނަނީ. ރިޟޭގެ ނުލަފާކަން ދައްކާލަންވީތަ؟”
ރިޟުވާނުގެ ރުޅިގަނޑު އިންތިހާއަށް އަރާފައި ހުރުމުން، ރައްދުގައި އެއްވެސް އެއްޗެއް ބުނާކަށް ސާމީ ނުހެދިއެވެ. މީހަކަށް ފެނުމުގެ ކުރިން އެ ތަނުން ދިޔުމަށް ޓަކައި ކުރިއަށް ހިނގައިގަތެވެ. ސާމީ ބަހެއް ނުބުނެ ހިނގައިގަތުމުން، ރިޟުވާނުގެ ރުޅި ވަކިން ގަދަވި ކަހަލައެވެ. އޭނާ ސާމީގެ ފަހަތުން ކުރިއަށް ޖެހިލިއެވެ. މަގުގެ ދެކޮޅު ބަލައިލުމަށްފަހު، އެ ދިޔަ ގޮތަށް ގޮސް، ސާމީގެ ބޮލުގެ ފުއްކިބައިގައި ގުއްޓެއް އަޅައިފިއެވެ. “ހަނދާންކުރާތި! މީގެ ފަހުން މި މަގަށް އަރާލިޔަސް ކުޅިދައްކައިލާނަން!”
ބޮލުގައި އަތް އަޅަމުން ސާމީ އެނބުރި ބަލައިލިއެވެ. އޭރު އޭނާގެ ބޮލަށް ވަރަށް ބޮޑަށް ތަދުވެފައި ހުރިކަން އެނގެއެވެ.
“މަށަށް ވެސް ޖެހިދާނެ.”
“ނިކަން ޖަހާބަލަ!” ސާމީއާ ދިމާއަށް ރިޟުވާނު ހިނގައިގަތެވެ.
“ތިހާ ދަށް ފެންވަރަކަށް މަށެއް ނުވެއްޓޭނަން.” ސަމީ ފިޔަވަޅު ހަލުއިކޮށްލިއެވެ.
އެ ރުޅިގަނޑުމަތީގައި ހުރެ ރިޟުވާނު ގެއަށް ވަދެގެން، ބަދިގެފަރާތަށް ދިޔައިރު، ޝަނޫރާއެއް ފެންނާކަށް ނެތެވެ. ބަދިގެފަރާތުން ގޯތިތެރެއަށް ނުކުތް އިރު، ބަނބުކެޔޮ ގަސްދަށުގައި މައްޗަށް ބަލަހައްޓައިގެން ޝަނޫރާ ހުއްޓެވެ. ރިޟުވާނު އެ ތަނުގައި ހުރެ ގަހަށް ނަޒަރު ހިންގައިލިއެވެ. ފެނުނީ މުންޑެއް އަނދެ، އަރުވަޖަހައިގެން ގަހުގައި ބަނބުކެޔޮ ކަނޑަން ހުރި ތުއްތުމަނިކެވެ.
ދިމާވި ކަމަކުން ލޭ ހޫނުވެފައި ހުރި ރިޟުވާނަށް، މި ތަންފެނިފައި އިތުރަށް ރުޅިގަދަވާ ގޮތްވިއެވެ.
“ޝަނޫރާ!” ރިޟުވާނުގެ އަޑަށް ސިހިފައި، ޝަނޫރާއަށް ބަލައިލެވުނެވެ. “ހަމަ މިހާރު ތި ތަނުން އާދޭ!”
ވީ ގޮތް ވަގުތުން ޝަނޫރާއަށް އެނގިއްޖެއެވެ. އެހެންކަމުން އިތުރު ސުވާލެއް ވެސް ނެތި، ވަގުތުން ޝަނޫރާ ކުރިއަށް ހިނގައިގަތެވެ.
“ދާ ގޮތަށް ކޮޓަރިއަށް ދޭ!”
ޝަނޫރާއަށް އަމުރުކޮށްފައި، ރިޟުވާނު ހިނގައިގަތީ، ބަނބުކެޔޮ ގަހާ ދިމާއަށެވެ. އޭރު ކެޔޮކަނޑާ ނިންނާފައި ތުއްތުމަނިކު ގަހުން ފައިބަނީއެވެ. ރިޟުވާނު ހުރީ އެ ވަގުތުގެ އިންތިޒާރުގައެވެ. ތުއްތުމަނިކު ގަހުން ފާބައި ހަމަޖެހިލި އިރު، ރިޟުވާނު ހުރީ އޭނާގެ ފުރަގަހުގައި ޖައްސާފައެވެ. ތުއްތުމަނިކު އެނބުރުނު ވަގުތު ރިޟުވާނު ފެނިފައި ސިހުނެވެ.
“އަހަނ! ރިޟުވާނު! ނުވެސް އެނގޭ މިތާ ހުރިކަމެއް!”
ރިޟުވާނު ދަތްކުނޑިވިކައިގެންފައި، ތުއްތުމަނިކުގެ ކަންކަށިމަތީގައި އެތިފަހަރެއް އެޅިއެވެ. “މިހާރު ހުންނާނީ އެނގިފަ.”
ވީ ތަދެއްގެ ބޮޑުކަމުން މޫނުމަތީގައި ތުއްތުމަނިކަށް އަތް އެޅުނެވެ.
“ކީއްވެ އަބަދު ސާމީ މި ގޭދޮށުގައި މުގޯލިއަޅައަޅައި އެ ހުންނަނީ؟” ކޮޓަރިއަށް ވަންގޮތަށް ޝަނޫރާއާ ރިޟުވާނު ސުވާލިކުރިއެވެ.
“ނޭނގެ!” ޝަނޫރާ ހުރީ ބިރުގެންފައެވެ.
“އެނގޭނެ. ޝަނޫ ބުނެގެނެއް ނޫންތަ އޭނާ އެ އަންނަނީ؟”
“މަށެއް ނުބުނަން.”
“އެހެންވިއްޔާ ކީއްވެ ބަނބުކެޔޮ ކަނޑަން ރިޟޭ ގާތުގައި ނުބުނީ؟”
“ކުރީ ދުވަހުވެސް ރިޟުވާނަކަށް ގަހަކަށް ނޭރުނޭ މަންމަ ބުނި.”
“އެއީ އެހެން ދުވަހެއްނު. މިއަދު ނޭރުނުކަން އެނގޭނީ މިއަދު އަރަން އުޅުނީމައެއްނު. އެހެންނޫނަސް ތުއްތުމަނިކަށް ކެޔޮ ދައްކަން، ޝަނޫ އެތާ ހުންނަންޖެހޭ އެއްވެސް ސަބަބެއް މަށަކަށް ނުވިސްނޭ!”
“މަންމަ ބުނެގެންނޭ އަހަރެން ދިޔައީ.”
“މަންމަ ބުންޏަސް، ބައްޕަ ބުންޏަސް، އެއީ ފިރިހެނެއްކަމެއް ޝަނޫއަކަށް ނޭނގޭތަ؟ އޭނަ ގަހަށް އަރުވާފަ ޝަނޫ މައްޗަށް ބަލަހައްޓައިގެން ހުރީމަ ފެންނަ މަންޒަރު މާ ރީތީތަ؟”
“ސާބަހޭ ރިޟުވާނަށް. ތި ކަހަލަ ހުތުރު ވާހަކަ ނުދައްކަބަލަ! އެއީ އަހަރެންގެ ބައްޕައާ އެއް އުމުރުގެ މީހެކޭ.”
“ދެއްކީމަ ދައްކާ މީހާ ދޯ މި ގޯސްވަނީ.”
“ހެޔޮނުވާނެ! އެކަހަލަ ކުދިކުދި ކަންކަން ބޮޑެތި މައްސަލަތަކަށް ނުހަދަބަލަ!” ކުރި އަސަރެއްގެ ބޮޑުކަމުން ޝަނޫރާގެ އަޑު ތުރުތުރުއަޅައިގަތެވެ.
“ކުދިކުދި ކަންކަމޭ؟ މައްސަލައަކަށް ނުހަދާށޭ؟ އެހެންތަ؟ ބަލަ ތީ ކާކުގެ އަނތްބެއްތަ؟”
“އެކަމަކު ކިހިނެއް މިހެން އުޅޭނީ؟ މީ ދިރިއުޅުމެއްތަ؟”
“ބުނާ ގޮތަށް ނޫޅެވޭތީ ވާ ގޮތް މީ.”
“އަހަރެން ދެން އުޅެންވީ ފަޅުރަށެއްގައި ކަންނޭނގެ!” ޝަނޫރާއަށް ރޮވިއްޖެއެވެ. އޭނާ ގޮސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. މި މަންޒަރު ދެކެން ހުރި ރިޟުވާނު ބަސް ހުއްޓިފައި ހުއްޓެވެ. އޭރު ތަފާތު ފިކުރެއް އޭނާގެ ސިކުނޑި ކަމުން ގެންދެއެވެ.
މެންދުރު ކުރީގެ ވަގުތެވެ. ރިޟުވާނު އިނީ ޑިންގީގައެވެ. ހީވަނީ ކޮންމެވެސް ތަނަކަށް ދާން ދަތުރަށް ތައްޔާރުކުރަނީ ހެންނެވެ. އޭނާ އެކަމުގައި އުޅެފައި ގެއަށް އައި އިރު ޝަނޫރާއާއި ހައްވަ ތިބީ ބޭރު ޖޯލީގައެވެ. އޭނާ ވެސް އެ ތަނުން ޖޯއްޔެއްގައި ޖައްސާލިއެވެ.
“މަންމާ! މިއަދު މިތާ ކައިރި ރަށަކަށް ގޮސްލަން ކަމަށް މިއުޅެނީ.”
“ކޮންރަށަކަށް؟” ރިޟުވާނާ ދިމާއަށް ހައްވައަށް ބަލައިލެވުނެވެ.
“ރާޒީ ކިޔާވަރުން އެ ރަށަށް ގޮސްލަންކަމަށް. ދެ ދުވަސްވަރު ވާނެ.”
“ޝަނޫރާ ވެސް ގޮވައިގެން ދާން ހަދަންވީނު. އެހެންނޫނީ އެ ކުއްޖާ ކިހައި ފޫހިވާނެ.”
“މަންމަ ވެސް ތިހިރީނު! ޝަނޫ އޯކޭވާނެ. ދޯ!”
ރިޟުވާނާ ދިމާއަށް ބަލައިލުމަށް ފަހު، ގަދަކަމުން ކަހަލަ ގޮތަކަށް ޝަނޫރާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އެ ވަގުތު ރިޟުވާނުގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު އެރިއެވެ.
“ރިޟޭ ހީކުރީ، ރިޟޭ ފުރާ ވާހަކަ ބުނީމަ ޝަނޫ ވަރަށް ދެރަވާނެކަމަށް. އެކަމަކު ފެނުނީ އުފަލުން ފޮޅުނުތަން.” ޝަނޫރާއާއި ރިޟުވާނު ތިބީ ކޮޓަރީގައެވެ.
“ކިތަންމެ ދެރަވިޔަސް ރިޟުވާނުގެ އުފަލަކަށް ހުރަސް އަޅާކަށް އަހަރެން ބޭނުމެއްނޫން.”
“ތީ ތަ ހަމަ ހަގީގަތަކީ؟”
“އާނ!”
“އެހެންވިއްޔާ ވަރަށް ރަނގަޅު.” ރިޟުވާނުގެ މަގަތުގައި އިން ޝަނޫރާގެ ކޮނޑުގައި ހިފައި، އޭނާގެ ގައިމަތީގައި ބާއްވާލަމުން ރިޟުވާނު ހިނިތުންވެލިއެވެ. “އަހަރެން ރަށުން ފުރީމަ ގެއިން ނުނިކުނައްޗޭ އިނގޭ! ގެއަށް ފިރިހެނަކު އަޔަސް ވާހަކަ ނުދައްކާތި! ފިރިހެނަކު އަތުވެއްޖިއްޔާ ޝަނޫ އައިސް ކޮޓަރިއަށް ވަދެ، ތަޅުލައިގެން އޮވޭ!”
ރިޟުވާނުގެ ވާހަކަތައް އަޑުއަހަން އޮތް ޝަނޫރާއަށް ހިތްދަތިކަމާ އެކު ދެ ލޯ މަރައިލެވުނެވެ. އެތެރެއަށް ހިފާލި ނޭވާއާ އެކު، ތިރީ ތުންފަތުގައި ދައިގަނެވުނެވެ.
ވާޓަރާ ފެރީ ކައިރިކޮށްލުމާ އެކު، ވާޓަރުމައްޗަށް ސައީދު ފުންމާލިއެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން އެއްގަމަށް އޭނާ ހިނގައިގަތެވެ. ހަލުއި ހިނގުމެއްގައި އޭނާ ގެއާ ދިމާއަށް ދިޔައެވެ.
ސައީދު ގެއަށް ވަންއިރު، ހައްވަ ހުރީ ސައީދަށް ކާން ހަދައިގެން އިންތިޒާރުގައެވެ.
“ހަމަ އިންތިޒާރުގަ؟” ހައްވައާ ދިމާއަށް ބަލައިލަމުން ސައީދު ހިނިތުންވެލިއެވެ.
“އާނ!”
“ކޮބާ ކުދިންކޮޅު؟” ކާމޭޒު ދޮށުގައި ސައީދު ޖައްސާލިއެވެ.
“ޝަނޫރާ އެބަ އޮތް ކޮޓަރީގަ. ރިޟުވާނުވީ ރާޒީމެން ރަށަށް ގޮސް.”
“އެ މަންޖެ ގޮވައިގެން ދާކަށް ނުބުނަންތަ؟”
“ބުނިން. ބުންޏަސް ބުނާ ގޮތް ހަދާ މީހެއްތަ އެއީ؟”
“އެ އުޅުމަކަށް އަދި ވެސް ބަދަލެއް ނާދޭ ދޯ؟” ތަށްޓަށް ބަތް އަޅަމުން ސައީދު ވާހަކަދެއްކިއެވެ.
“ނާދޭ! ކުރީ ދުވަހުވެސް ޝަނޫރާ ކޮޓަރިއަށް ވައްދައިގެން އުޅުނު އެއްޗެހިކިޔާ.”
“ކޮންކަމަކާ؟”
“ކިހިނެއް އެނގެނީ؟”
“އެހައި ރަނގަޅު އަނތްބަކު ލިބުނީމާ ވެސް އެ އުޅެނީ ގެންގުޅެން ނޭނގިގެން ދޯ!”
“ތުއްތުމަނިކު ބަނބުކެޔޮ ކަނޑަން އައި ދުވަހު، ސަޢީދު ބުނެގެންތާ އެ ތަނަށް އެ މަންޖެ ފޮނުވީ. އެދުވަހު ވެސް އެ ތަނަށް އެ މަންޖެ ދިޔަ ކަމަށް ޓަކައި، ހީވީ އެހެން ފަދަ ކަމެއްހެން. ރުޅިއައިސްގެން ތުއްތުމަނިކުގެ ގައިގައި ވެސް ޖެހި.”
“ދޮގު ނުހަދާ!” ސައީދުގެ ދެ ލޯ ބޮޑުވިއެވެ.
“އާނ! ތުއްތުމަނިކު މަގޭ ގާތު ބުނީ.”
“ނަސީބެއްނު އޭނަ މަސައްލަ ނުޖެއްސިކަން.”
“އެ މަންޖެވެސް މިހާރު ބިރުގަނޭ ފިރިހެނަކާ އަނގައިން ބުނަން ކީއްކުރަން، ބަލައިލަން ވެސް.”
“އާނ! ދެން އެހެންތާ ވާނީ ވެސް. މަށަށް ފެންނަނީ ދެން އެ މަންޖެއަށް ހުރިހައި ވާހަކައެއް ރަނގަޅަށް ކިޔައިދޭން. ރިޟުވާނަށް އެހެން އެ ވަނީ ކީއްވެކަން ބުނެދޭން. ހައްވަ އެކަމާ އުޅެންވީނު!”
“އާނ! މަ ވެސް ހިތަށް މި އަރަނީ ތިހެން. އެހެންނޫނީ އެ ކަމާ ވިސްނައިވިސްނައި އެ މަންޖެ ހަލާކުވެދާނެ!”
“ރިޟުވާނުގެ ފަރާތުން ދަރިފުޅަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުން އަންނަކަން މަންމައަށް އެނގޭ! ވަރަށް ގިނަ ދުވަސްވެއްޖެ ދަރިފުޅުގާތު މި ވާހަކަ ދައްކަން އުޅޭތާ.” އެ ރޭ ޝަނޫރާ ކޮޓަރީގައި އޮއްވާ ހައްވަ ކޮޓަރިއަށް ވަދެ، ޝަނޫރާއާ ވާހަކަދައްކަންފެށިއެވެ.
“މިހެން އުޅޭއިރު އެކަހަލަ ކަންކަމާ ވެސް ދިމާވާނެ! މަންމަ ދެން އެކަމާ ނުވިސްނާ!”
“ދަރުފުޅު ތިހެން ބުންޏަސް، މަންމަ ކިހިނެއް ނުވިސްނާ ހުންނާނީ؟ އެއީ ކުޑަކުޑަ ކަމެއް ނޫނެއްނު! ދަރިފުޅުގެ ހިތުގައި އަޅާނެ ވޭން މަންމައަށް އިހުސާސްކުރެވެއޭ.”
ހައްވަގެ މި ޖުމުލައާ އެކު ޝަނޫރާގެ ދެ ލޯ ކަރުނައިން ފުރުނެވެ. ރޮވިއްޖެއެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް ހައްވަގެ ގައިގައި ބައްދާލެވުނެވެ. ކޮނޑުގައި ބޯ އަޅައިލެވުނެވެ. ޝަނޫރާގެ ބޮލުގައި ހައްވަ ފިރުމައިލީ ލޯބިން ފުރިފައިވާ އަތަކުންނެވެ. އޭރު ހައްވަގެ ދެ ލޯ ވެސް ވަނީ ފެންކަޅިވެފައެވެ.
“ދެން ހުއްޓާލާ!” ހައްވަގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. “ތީ ވަރަށް ކެތްތެރި ކުއްޖެއް! މަންމަ އަބަދުވެސް ދަރިފުޅުގެ ތި ކެތްތެރިކަމުގެ އަގު ވަޒަންކުރާނަން. ރިޟުވާނަށް ހެޔޮ ވިސްނުން ދެއްވާތޯ މަންމަ އަބަދު ވެސް ދުޢާކުރަން.”
ރޯނެ ވަރަކަށް ރޯން ހައްވަ އިނީ ޝަނޫރާއަށް ފުރުސަތު ދީގެންނެވެ. ޝަނޫރާގެ ބޮލުގައި ފިރުމައިލަ ފިރުމައިލަ އޭނާ އިނީ، ޝަނޫރާގެ ހިތަށް ފިނިކަމެއް ގެނެސްދެވޭތޯއެވެ.
“މަންމާ! އިރާދަކުރެއްވިއްޔާ އަދިވެސް އަހަރެން ކެތްކުރާނަން.” ހައްވަގެ ކޮނޑުމަތިން ބޯ އުފުލައިލައި، ދެ ލޯ ފޮހެލަމުން ޝަނޫރާ ބުންޏެވެ. “އެކަމަކު ކީއްވެތަ ރިޟުވާނަށް އެހެން އެވަނީ؟” ޝަނޫރާ ވަރަށް ހިތްވަރު ކޮށްފައި އަހައިލިއެވެ.
“ތި ސުވާލުގެ ޖަވާބު ދޭން މަންމަ މި އައީ ވެސް.” ހައްވަ ކުޑަކޮށް ހަމަޖެހިލިއެވެ. “އެއީ އޭނާއަށް ކުރިމަތިވެފައި އޮތް ނަފުސާނީ ބަލިމަޑުކަމެއް. އޭނަ ޤަބޫލުކުރާ ގޮތުގައި އަންހެނުންނަކީ ވަރަށް ނުލަފާ ބަޔެއް! ބޭވަފާތެރި ބަޔެއް! އޭނާ ގަބޫލުކުރާ ގޮތުގައި ހިލޭ ފިރިހެނުންނާ ވާހަކަ ދައްކާ އުޅޭ ކޮންމެ އަންހެނަކު ވެސް، ފިރިމީހާއަށް ބޭވަފާތެރިވާނެ. އެ އުނދަގޫ އޭނާއަށް ވަރަށް ބޮޑަށް ކޮށްފަ ހުރީ. މިހައި ދުވަސްވީ އިރު އޭނާ ބޭނުމެއް ނުވި މީހަކާ އިންނާކަށް ވެސް. މިހަކާ އިންނަ ވާހަކަ ބުނާއިރަށް ބުނަނީ، އަންހެނުންނަކީ ވަރަށް ނުލަފާ ބަޔެކޭ. މީހަކާ ނީންނާނަމޭ! އެހެން އުޅެނިކޮށް މީހެއްގެ ފަރާތުން މަންމައަށް އެނގުނީ ދަރިފުޅުދެކެ އޭނަ ވަރަށް ލޯބިވާކަން.”
“އެކަމަކު އެހެން ވާންޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނު! ކީއްވެގެން ވީ ކަމެއް އެއީ؟”
“އަޑުއަހާ! ތި ވާހަކަ ވެސް ކިޔައިދޭނަން. މީ އަސްލު ދަރިފުޅަށް އެނގެންޖެހޭ ވެސް ކަމެއް.” ޝަނޫރާގެ މޫނަށް ހައްވަ ނަޒަރު ހުއްޓައިލިއެވެ. “އޭނަ އެ އުޅޭ ޝައްކުގެ އެ އަނދިރިގަނޑުން ނިކުމެ، ދުނިޔޭގެ އަލިކަމުގެ ތެރޭގައި، އެހެން އިންސާނުން ވެސް އުޅޭފަދައިން އުޅޭ ދުވަހެއް ދެކެން މަންމަ ހާދަ ބޭނުމޭ.” ހައްވަ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ތީ އަހަރެން ވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއް!”
“ދަރިފުޅާ! ދަރިފުޅު ތި ކުރި ސުވާލުގެ ޖަވާބު ވަރަށް ކުރުކޮށް މަންމަ ދެވޭތޯ ބަލާނަން. ރިޟުވާނުގެ އުމުރުން 9 އަހަރުގަ މަންމަމެން އޭނަ ކިޔަވަން މާލެ ގެންދިޔައިން. ބެހެއްޓީ ބައްޕަގެ ރައްޓެއްސެއްކަމަށްވާ ޤާދިރު ކިޔާ މީހެއްގެ ގާތުގަ. ގާދިރަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއް. އެހެންވީމަ ގިނައިން އޭނާ އުޅޭނީ ރަށުން ބޭރުގައިތާ. ވަރަށް ރަނގަޅު މީހެއް ގާދިރަކީ. ރިޟުވާނު އެ ގޭގައި އުޅެމުން އައި އިރު، އެ ގޭތެރެއިން އޭނާއަށް ފެންނަމުން ދިޔައީ، ވަރަށް އެހެންކަހަލަ މަންޒަރެއް. ޤާދިރު ރަށުގައި ނޫޅޭ ދުވަސްދުވަހު، އޭނާގެ އަންހެނުން ހިލޭ ފިރިހެނުން ގެއަށް ވައްދައިގެން، ލެއްވިހައި ނުބައިކަމެއް ކުރަމުން ގެންދިޔައީ. ޤާދިރު މާލެ އައިސް ހުންނަ އިރު، ޤާދިރަށް ކަންތައްތައް ކޮށްދެމުން ގެންދިޔައީ އެހައި ލޯބިން. އެހެންވީމާ ޤާދިރަކަށް ކަނޑެއް ފަޅެއް ނޭނގެ. އެކަމަކު މި ހުރިހައި ކަމެއް ރިޟުވާނަށް އައީ ފެންނަމުން. އޭގެ ނަތީޖާ މީ.”
“އެކަމަކު ތީ ހާދަ ނުލަފާ އަންހެނެކޭ.” ޝަނޫރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“އެނގޭތަ؟ އަދި މި ވަރުން ނިމުނީއެއް ނޫނޭ! ދަރިފުޅު ތި ބުނީ ހަމަ ވަރަށް ރަނގަޅަށް. އެއީ ވަރަށް ނުލަފާ އަންހެނެއް! އޭނާގެ އެ މުޑުދާރު ޢަމަލުތައް ރިޟުވާނަށް ފެނުނުކަން އޭނާއަށް އެނގުނީމަ، ދެން ކަންތައްކުރީ ކިހިނެއްކަން އެނގޭތަ؟ އެ ވާހަކަ ޤާދިރު ގާތުގައި، އެ ސޮރު ބުނެފާނެކަމަށް ހީކޮށް، ޤާދިރު މާލެ ދިޔައިމަ، މުޅި އެތި ފުރޮޅައިލީ ރިޟުވާނުގެ ބޮލަށް.”
“ސުބުޙާނަﷲ! ހަމަ ތެދެއް؟” ޝަނޫރާއަށް ޝަހާދަތް އިނގިލީގައި ދައިގަނެވުނެވެ.
“ހަމަ ތެދެއް މި ބުނި. އެހެރަ ކުޑަކުޑަ ކުއްޖާ އޭނަގެ ގަޔަށް އަރަންއުޅުނީއޭ ކިޔައިގެން ޤާދިރުގާތު ވާހަކަ ދައްކައި، އެ ބަދުނާމު އެ ކުއްޖާގެ ބޮލުގައި އަޅުވާފަ އެ ގޭން ނެރެ އެއްލައިލީ. ހެޔޮނުވާނެއެއްނު!” ހައްވަގެ އަޑު ތުރުތުރުއަޅައިގަތެވެ.
“އަޅޭ! ހާދަ ގޯހޭ! އޭރު ރިޟުވާނުގެ އުމުރުން ކިތައް އަހަރު؟”
“12 އަހަރު.” ދެ ލޮލުން ކަރުނަ ފޮހެލަމުން ހައްވަ ބަލައިލިއެވެ. “އޭގެ ފަހުން އެ ކުއްޖާ ކިޔަވާކަށް ވެސް ބޭނުމެއްނުވި. އެހެންވެ ރަށަށް ގެނައީ. ރަށަށް ގެނައި އިރު، ރަށުގެ ބައެއް މީހުންނަށް ވެސް އޮތީ މި ވާހަކަ މި ގޮތަށް އިވިފަ. ބައެއް މީހުން އޭނައަށް ބަސްބަހުން ޖަހާ ވެސް ހަދާނެ!”
ހައްވަގެ ވާހަކަ މިހައި ހިސާބަށް ދިޔަ ތަނާ އޭނާގެ ހަނދާނަށް އައީ، އެއް ދުވަހަކު ރިޟުވާނާ ދިމާއަށް މަރީނާ ބުނި ވާހަކައެކެވެ.
“ބުނަންތަ ރަނގަޅު ވާހަކައެއް؟ އެހެންމީހުންނަށް ގޮތް ކިޔައިދޭން ނޫޅެ، އަމިއްލަ ހަށިގަނޑުގައި ހުރި ކުނި މިލަތައް ފިލުވޭތޯ ގޮސް ބަލާބަލަ! ލަދެއް ހަޔާތެއް ނެތި، އެހެން މީހުންނާ ދިމާއަށް އަނގަހުޅުވާ އިރު، ކިޔަވަން މާލެ ފޮނުވީމަ ތެޅުނު ވައްތަރު ހަނދާން އެބަ ހުރިތަ؟”
މަރީނާ މި ބުނީ ކީކޭކަން އެ ދުވަހު ޝަނޫރާއަށް ނޭނގުނު ނަމަވެސް، މިއަދު އެ ބަހުގެ މާނަ އޭނާއަށް ފަހުމުވެއްޖެއެވެ. ކުށެއް ނެތި ރިޟުވާނުގެ ބޮލުގައި އެޅުނު ދޮގު ބަދުނާމުގެ ސަބަބުންނާއި ފެނުނު ހުތުރުކަންބޮޑެތި މަންޒަރުތަކުގެ ސަބަބުން، އޭނާ އެ ވަނީ ނަފުސާނީ ގޮތުން ބަލިކަށިވެ، އެ ކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
“ދަރިފުޅާ!”
“ކީކޭ މަންމާ!” ޝަނޫރާ ސިހުނީ ހައްވަ ގޮވައިލި އަޑަށެވެ.
“ކޮން ކަމަކާ ތި ވިސްނަނީ؟”
“މަންމަ ތި ކިޔައިދިން ވާހަކައާ ދޭތެރޭ.”
“ދަރިފުޅަށް ހީވޭތަ ރިޟުވާނާ އެކު އުޅެވިދާނެހެން؟”
“މަސައްކަތް ކުރާނަން!”
“އޭނާ އެ ބުނާ ގޮތަށް ކަނު މީހަކަށް، މަންމަނަކަށް ވެގެން ދަރިފުޅަށް އުޅެވޭނެ؟”
ހައްވަގެ މި ސުވާލާ އެކު، ޝަނޫރާގެ ދެ ލޮލުން އޮހިގަތީ އަނެއްކާ ވެސް ކަރުނައެވެ.
“މަންމަ ޤަބޫލުކުރާގޮތުގައި، ދަރިފުޅަށް ވެސް އެހެންމީހުން އުޅޭހެން އުޅެވެން ޖެހޭނެ.” ހައްވަ މަޑުމަޑުން ކުރިއަށް ޖެހިލައި، ޝަނޫރާ ގެނެސް ގަޔާލައި ބޮނޑިކޮށްލިއެވެ. “ހިތްވަރުކުރޭ ދަރިފުޅާ! ރިޟުވާނު ހަމައަކަށް އެޅުވޭތޯ މަންމައާއި ބައްޕަ މަސައްކަތް މި ފަށަނީ. މިކަމުގައި ދަރިފުޅުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ!”
ޝަނޫރާ އެހެން އޮވެފައި ބޯ ޖަހައިލިއެވެ. ހައްވަގެ ބަހާ އެއްބަސްވުމުގެ ގޮތުންނެވެ.
“ކުރީކޮޅު ވަރަށް ބޮޑެތި ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހިދާނެ! އެކަމަކު އިންޝާﷲ! ފަހުން ރަނގަޅުވާނެ!”
މެންދުރު ފަހުގެ ވަގުތެވެ. ރަށުގެ ބޮޑުނެރުން ވަދެގެން އެހެރަ އަންނަނީ ރިޟުވާނުގެ ޑިންގީއެވެ. އޭގައި އިނީ ރިޟުވާނު އެކަންޏެވެ. އޭނާ އެ އައި ގޮތަށް އައިސް، ޑިންގީ ވާޓަރާ ކައިރިކޮށް ޑިންގީ އަޅާފައި، އެއިން ފައިބައިގެން ގޭ ދޮށަށް ހިނގައިގެންފިއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނާން ހުރީ މިއިން ދުވަހަކު ވެސް ނުފެންނަ ފަދަ ބޮޑު އުފާވެރިކަމެކެވެ. ހިތްހަމަޖެހުމެކެވެ. ހީވަނީ ކަމަކުން ވަރަށް ބޮޑު ކާމިޔާބެއް ލިބިގެން އައިހެންނެވެ.
ހަރު ހިނގުމެއްގައި އޭނާ ގޮސް ގެއަށް ވަދެއްޖެއެވެ. ފުރަތަމަ ވެސް އޭނާއާ ދިމާވީ ޝަނޫރާއާއެވެ. އޭރު ޝަނޫރާ ހުރީ ސިޓިން ރޫމުގައި ހައްވަގެ ހެދުމެއް އިސްތިރިކުރާށެވެ.
ރިޟުވާނު ވަންތަން ފެނިފައި، ޝަނޫރާގެ ހިތް ތެޅިގަތެވެ. ގަތީ ބިރެވެ. އެހެންނަމަވެސް ރިޟުވާނުގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ތުންފަތްމަތީގައި ވަނީ ހިނިތުންވުމެވެ. އޭނާ އެ އައި ގޮތަށް އައިސް ޝަނޫރާގެ ފުރަގަހުން ބައްދާލިއެވެ.
“ޝަނޫ ލޯބީ!”
“ހޫނ!” ގަދަކަމުން ކަހަލަ ގޮތަށް ޝަނޫރާ ހިނިތުންވެލިއެވެ. އެހެންނަމަވެސް އޭރު ވެސް އޭނާގެ މޭގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. މި ވަނީ ކީއްކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. ފާޑަކަށް ހިތް ބިރުގަންނަނީއެވެ.
“ޝަނޫގެ މޭ ހާދަ ބާރަށް އެބަ ތެޅެއޭ.”
ރިޟުވާނުގެ އެ ވާހަކައަށް ޝަނޫރާ އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އޭނާއަށް ވެސް އެކަން އެނގެއެވެ. މޭތެޅޭކަމާއި ހިތްބިރުގެންފައި ހުރި ކަމެވެ.
“އަދި ވެސް ތި ކަން ނުނިމޭތަ؟”
“މި ނިމެނީ. ކިހިނެއްވީ؟” އިސްތިރިކުރާން ހުރެފައި ޝަނޫރާ އަހައިލިއެވެ. އޭރު ވެސް ރިޟުވާނު ހުރީ ޝަނޫރާގެ ގައިގައި ބައްދާލިގޮތަށެވެ.
“ކުޑަ ވާހަކައެއް ދައްކާށޭ މި އައީ.”
“ކޮން ވާހަކައެއް؟” ޝަނޫރާއަށް އެނބުރި ރިޟުވާނުގެ މޫނަށް ބަލައިލެވުނެވެ.
“ތި ކަން ނިންމާފައި ކޮޓަރިއަށް ހިނގާބަލަ!”
އިސްތިރިކޮށް ނިންމާފައި ރިޟުވާނާ އެކު، ޝަނޫރާ ގޮސް ކޮޓަރިއަށް ވަނެވެ. ރިޟުވާނު ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަމެއް ޝަނޫރާއަކަށް ލަފާކޮށްލަން ވެސް އޭރަކު ނޭނގެއެވެ.
ރިޟުވާނު ގޮސް އިށީނނީ އެނދުގައެވެ. ޝަނޫރާއަށް އިށީންނަން އިޝާރާތްކުރަމުންނެވެ. ޝަނޫރާ އިށީންނުމުން ރިޟުވާނު ވާހަކަދައްކަންފެށިއެވެ. ޝަނޫރާ އިނީ އަޑުއަހާށެވެ. މާ ދިގު ވާހަކައެއް ނޫނެވެ. ބުނީ ދެތިން އެއްޗެކެވެ. އެއަށްފަހު ޝަނޫރާގެ ބަހަކަށް އޭނާ އިންތިޒާރުކުރަންފެށިއެވެ.
“ކީއްވެ އެއްޗެއް ނުބުނީ؟” ޝަނޫރާ އެއްޗެއް ނުބުނެ އިންނާންފެށުމުން ރިޟުވާނު އަހައިލިއެވެ.
“ދެން ކީކޭ ބުންނަންވީ؟”
“ފެންނަ ގޮތެއް ބުނެބަލަ!”
“ހިނގައިދާނަން. އެކަމަކު މިހާރު ރިޟުވާނު ކަންތައް ތި ކުރާގޮތަށް ކޮށްގެންނުވާނެ.”
“ރިޟޭ އެބަ ގޮތަކަށް ކަންތައްކުރޭތަ؟”
“ބައެއް ފަހަރު މާ ރުޅިގަދަވާތީ.”
“ޝަނޫއަށް އުޅެވޭ ގޮތުން އެހެންވަނީ ދޯ!”
“ބީރައްޓެހި ރަށެއްގަ އެ ގޮތަށް އުޅެފިއްޔާ އަހަރެން ވަރަށް ލަދުގަންނާނެ. އަހަރެން އަބަދުވެސް ހަނދާން ބަހައްޓާނަން ތީ އަހަރެންގެ ފިރިމީހާކަން. ރިޟުވާނަށް ހުތުރުވާ ކަހަލަ، ލަދުގަންނަން ޖެހޭ ކަހަލަ އެއްވެސްކަމެއް މަށެއް ނުކުރާނަން. ރިޟުވާނު ވެސް އެކަހަލަ ކަމެއް ކޮށްގެންނުވާނެ!”
“ހާދަ ގިނަ ވާހަކައެއް މިއަދު ތި ދައްކަނީ؟ ރިޟޭ ހަމަ އެހައި ގޯހީތަ؟”
ރިޟުވާނުގެ މޫނަށް ޝަނޫރާއަށް ބަލައިލެވުނެވެ. ރިޟުވާނު ވެސް އިނީ ޝަނޫރާއާ ދިމާއަށް ނަޒަރު ހުއްޓާލައިގެނެވެ. ހިނިތުންވެލައިގެންނެވެ.
“ޝަނޫ ނުލައި ދިޔައިމަ ރާޒީ ހާދަ އެއްޗެއް ރިޟޭއާ ދިމާއަށް ކިޔޭ. މާދަމާ ގޮވައިގެން އަންނާނަމޭ ކިޔާފަ މިއައީ.”
“ހިނގާބަލަ މައްސަލަ ނުޖެހި ވަރަށް ލޯބިން ދެ މީހުން އުޅެވޭތޯ ބަލަން ދޯ!” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި، ރިޟުވާނުގެ ކޮނޑުގައި ޝަނޫރާ ބޯއަޅައިލިއެވެ.
“އާނ!” ޝަނޫރާގެ ބޮލުގައި ރިޟުވާނު މަޑުމަޑުން ފިރުމައިލިއެވެ. “ތީ ރިޟޭ ވެސް ބޭނުންވާ ގޮތަކީ. ދެން އެކަމާ ނުވިސްނާ! ކުރިއަށް އޮތްތަނުގައި ހުރިހައި ކަމެއް ވެސް ރަނގަޅުވާނެ ކަމަށް ބަލަމާ ހިނގާ! ރިޟޭ މަސައްކަތް މި ކުރަނީ ދެ މީހުންގެ މުސްތަގުބަލު ވެސް އުފާވެރި ކުރެވޭތޯ!”
“އިރާދަކުރެއްވިއްޔާ އެ ދުވަސް ވަރަށް އަވަހަށް ފެންނާނެ!” އެ އޮތްގޮތަށް އޮވެ، ޝަނޫރާ ލޯ މަރައިލިއެވެ.
ޖެހިގެން އައި ދުވަހެވެ. ރާޒީމެން ރަށަށް ދިޔުމަށް ޓަކައި ޝަނޫރާއާއި ރިޟުވާނު ގެއިން ނުކުތުމަށް ތައްޔާރުވަނީއެވެ. ދަބަހަށް އެއްޗެހި އަޅައި ދަތުރަށް ހަދަނީއެވެ. އެ ކަންކަމުގައި އުޅެމުން ދިޔައިރު، ރިޟުވާނުގެ މޫނުމަތިންނާއި އުޅުމުން ފެންނަމުން ދިޔައީ، މިއިން ދުވަހަކު ވެސް ނުފެންނަ ފަދަ އުފާވެރިކަމެކެވެ. އޭނާއަށް ވަރަށް ބޮޑު ހިތްހަމަހުމެއް ލިބިފައިވާކަން އެނގެއެވެ.
ފުރަން ދިޔުމަށް ޓަކައި، ދެ މީހުން ގެއިން ނިކުތީ ނުވައެއް ޖެހިތަނާއެވެ. އަތިރިމައްޗަށް ދިޔުމަށް ފަހު ލަސްކުރުމެއް، މަޑުޖެހުމެއް ނެތެވެ. ގެނައި ސާމާނާ އެކު ދެ މީހުން ޑިންގީއަށް އަރައިފިއެވެ. ދުވަހަކީ މޫސުން ވެސް އެ މީހުންނާ ބައިވެރިވެ، ހިނިތުންވެލައިގެން އޮތް ދުވަހެކެވެ. ކަނޑު މަޑެވެ. އުޑުމަތި ސާފެވެ. ވައިރޯޅީގައި ވަނީ ހިތްފަސޭހަކަމެވެ. އެ ހިތްގައިމު މޫސުމީ އުފާވެރިކަމުގައި، ޑިންގީ ވެސް ހިނިތުންވެ އޮވެ، އެ ދެމަފިރިން ގޮވައިގެން ދުވެގެންފިއެވެ. ޑިންގީ ދުއްވަން ރިޟުވާނު އިންއިރު، އޭނާގެ ގައިގައި ޖެހިލައިގެން ކަހަލަ ގޮތަކަށް ޝަނޫރާ އިނެވެ. ގުދުރަތުގެ އަޖައިބުކުރުވަނިމި މަންޒަރުތަކުގެ ތެރެއިން ހިތަށާއި މެޔަށް އުފާވެރިކަން ހޯދުމުގައެވެ.
ރިޟުވާނުގެ އޯގާވެރިކަމާއި ރަނގަޅުކަން ރެއާއި މިއަދު އޭނާއަށް ވަނީ ވަރަށް ބޮޑަށް ފެނިފައެވެ. ލިބިފައެވެ. އޭނާއަށް ގަބޫލުކުރެވުނީ، އެ ބުނާ ރާޒީއެއްގެ ކިބައިން ރިޟުވާނުގެ ކަންފަތަށް ހެޔޮ ބަސްތަކެއް ވަނީކަމަށެވެ. އެ ކަމުގެ ހެޔޮ އަސަރު ރިޟުވާނުގެ އުޅުމާއި ބަސްތަކުން ފެންނަންފެށީ ކަމަށެވެ. އެހެންކަމުން އެ އުފާވެރިކަމުގެ ފޮނިމީރުކަން ވެސް ޝަނޫރާގެ ހިތަށް އައީ ލިބެމުންނެވެ.
ހަރު ދުވެލީގައި ދުވަމުން ދިޔަ ޑިންގީގެ މިސްރާބު ހުރީ ކުރިމަތިން ފެންނާން އޮތް ރަށާ ދިމާއަށެވެ. އެއީ މާ ބޮޑު ރަށެއް ނޫނެވެ. ޝަނޫރާއަށް އެ ރަށް ފެނުނީ ރަށާ ވަރަށް ކައިރިވިފަހުންނެވެ. އޭނާއަށް އެ ރަށާ ދިމާއަށް ސަމާލުކަމުގެ ނަޒަރެއް ދެވުނު އިރު، ރަށުގެ ނެރުން ޑިންގީ ވަންނަނީއެވެ. އެއީ ކޮން ރަށެއްކަން އޭނާއަށް އެނގެއެވެ. އެއީ ކުޑަފުށްޓެވެ. ރިޟުވާނާ ކައިވެނިކޮށްގެން، އޭނާ އެއް ފަހަރު އެ ރަށަށް އައެވެ. އެއް ދުވަސް އެއްކޮށް ކަހަލަ ގޮތަކަށް އެ ރަށުގައި ހޭދަކުރިއެވެ.
“ކޮބާ ހިނގާ ފައިބަމާ!” ލޮތާރި އެއްލައި ޑިންގީ އެޅުމަށްފަހު، ޝަނޫރާއާ ދިމާއަށް ބަލައިލަމުން ރިޟުވާނު ހިނިތުންވެލިއެވެ.
“ރިޟުވާނު ގޮއްސަ އަންނަންވީނު! އަހަރެން މަޑުކޮށްލާނަން!” ޝަނޫރާއަށް ހީކުރެވިފައި އޮތީ، މި ރަށަށް ރިޟުވާނު އެ އައީ، ރާޒީމެން ރަށަށް ދިޔަ މަގުމަތީގައި ކޮންމެވެސް ކަމަކު ކަމަށެވެ.
“ޝަނޫ ވެސް ފައިބަންވާނޭ!” ޝަނޫރާގެ ގާތުގައި ރިޟުވާނު އިށީނދެލިއެވެ.
“ރިޟުވާނު ގޮއްސަ އާދޭ! އަނެއްކާ އަހަރެން ފައިބާން އުޅެނިކޮށް ތެމޭނީ. އެހެންނޫނަސް ރިޟުވާނު ގޮއްސަ އެހައި ލަހެއް ވެސް ނުވާނެއެއްނު!”
“ކޮން ތާކަށް އަންނަ ވާހަކައެއް ތި ދައްކަނީ؟”
“ޑިންގީއަށް. ރާޒީމެން ރަށަށް ދާން.” ރިޟުވާނުގެ މޫނަށް ޝަނޫރާއަށް ބަލައިލެވުނެވެ.
“މޮޔަ ވާހަކަ ނުދައްކާ! އެނބުރި އަންނަ ގޮތަކަށް ނޫނޭ ފައިބާން މި ކިޔަނީ!” ރިޟުވާނު ހިނިގަނޑެއްޖަހައިލިއެވެ.
“ތި ބުނީ؟”
“އަހަރެމެންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނީ ފަޅުރަށެއްގައޭ ބުނެވުނު ހަނދާން ޝަނޫ އެބަ ހުރިތަ؟”
“ސަކަރާތް ނުޖަހަލަބަލަ!” ޝަނޫރާގެ މޫނުމަތިން ފެންނަނާފެށީ ނުތަނަވަސްކަމަށްވުރެ ބޮޑަށް ނުރުހުމެވެ.
“ވާހަކަ މަދުކޮށްފައި ދެން ހިނގާ އަވަހަށް ފައިބަން! އަހަރެމެން ދެން ދިރިއުޅޭނީ މި ރަށުގަ.”
“ތި ކަހަލަ ސަމާސާ ނުކޮށްފާނަންތަ؟” ޝަނޫރާގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުމުގެ ކުލަވަރު ފެންނާންފެށިއެވެ.
“ސަމާސާއޭ؟ ދިރިއުޅުމަކީ ވެސް ބައެއް ފަހަރު ސަމާސާއެއްނޫންތަ؟ ދެން ހިނގާ އަވަހަށް ފައިބާން!” ޝަނޫރާގެ އަތުގައި ރިޟުވާނު ހިފެހެއްޓިއެވެ.
“ނޫން ރިޟުވާން! އަހަރެން މި ރަށަކަށް ނުފައިބާނަން. އެ ރަށަށް ނުދަންޏާ ހިނގާ ރަށަށް ދާން!” ޝަނޫރާ ބިރުގަންނާންފެށިއެވެ.
“އޯކޭ! އެހެންވިއްޔާ ޝަނޫ ފައިބާނެ ކަމެއް ނެތް. ރިޟޭ ޝަނޫ ބާލާނީ.” ރިޟުވާނު ތެދުވެ ހިންދެމިލިއެވެ. އެއަށްފަހު ޝަނޫރާއާ ދިމާއަށް ގުދުވެ، ގަދަކަމުން ކަހަލަ ގޮތަކަށް ޝަނޫރާ ނަގައި އުފުލައިލިއެވެ. އެއާ އެކު ޝަނޫރާއަށް ރޮވިއްޖެއެވެ. ރިޟުވާނުގެ ކިބައިން ސަލާމަތްވެވޭތޯ ކާމިޔާބެއް ނެތް މަސައްކަތްތަކެއް ކުރާން އޭނާ ފެށިއެވެ. އެހެންނަމަވެސް އޭނާ ތެޅިތެޅި އޮއްވާ، އޭނާ ގޮވައިގެން ރިޟުވާނު ޑިންގީއިން ފުންމާލައިފިއެވެ.
ޝަނޫރާ ރޮމުން އާދޭސްކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އެ އަޑެއް ރިޟުވާނުގެ ކަންފަތާ ހަމައަށް ވެސް ފޯރާހެނެއް ހިޔެއް ނުވެއެވެ. ޝަނޫރާ އުފުލާލައިގެން އޭނާ ގޮސް އެއްގަމަށް އަރައިފިއެވެ. ހިނގައިގަތީ ރަށުތެރެއާ ދިމާއަށެވެ.
އެ ރަށަށް އެރެން އޮންނަ ހަނިމަގުން، އޭނާ ކުރިއަށް ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް މަޑުކޮށްލީ، ވަލުތެރޭގައި ދަނޑިފަނުން ހަދާފައި ހުރި ގެއެއްގެ ކައިރިއަށެވެ. އެ ތަނުގައި ހުރި ދޮރުން އޭނާ އެތެރެއަށް ވަނެވެ. އޭރު ވެސް ޝަނޫރާ ރޮއިރޮއިފައި ތެޅިފޮޅެމުންދެއެވެ. އާދޭސްމައްޗަށް އާދޭސްކުރަމުން ގެންދެއެވެ. ރަށަށް ގެންގޮސްދިނުމަށް އެދިއެވެ.
އެ ގޭތެރޭގައި އަޅާފައި އޮތް ސަތަރިގަނޑެއްގެ މަތީގައި ޝަނޫރާ ބާއްވާފައި، ރިޟުވާނު ހިންދެމިލިއެވެ. އޭރު އޭނާ ހުރީ ވަރުބަލިވެ، ދާހިއްލާ ފޯވެފައެވެ. ޝަނޫރާ ވެސް އޮތީ ތެޅިތެޅި، ރޮއިރޮއި ވަރުބަލިވެފައެވެ. ތެދުވާހައި ހިތްވަރު ވެސް އޭނާގެ ގައިގައި ނެތް ކަހަލައެވެ.
އެ ދަނޑިފަން ގެއަކީ ޝަނޫރާ ގެންނާންވެގެން ރިޟުވާނު އެ ރަށަށް އައިސް ހެދި ގެއެކެވެ. ރާޒީމެން ރަށަށް ދާށޭ ކިޔަފައި އޭނާ އެ ދުވަހު އައީ މި ރަށަށެވެ. އައިސް ކުރި މަސައްކަތަކީ، ޝަނޫރާ ގެނައުމަށް ޓަކައި ގެއެއް ހެދުމެވެ. ޝަނޫރާއަށާއި އޭނާގެ މައިންބަފައިންނަށް ދޮގުހަދާފައި، މިއަދު ޝަނޫރާ އެ ގެއަށް ގެނައީއެވެ.
“މުޅީން ހަންވެއްޖެ. ޝަނޫ ހާދަ ބަރޭ! މާ ފަލައީ ދޯ މިހާރު؟” ހަށިފުރާ ނޭވާއެއްލުމަށްފަހު ޝަނޫރާ ގާތުގައި އިށީނދެ ރިޟުވާނު ހަމަޖެހިލިއެވެ. “ދެން ހުއްޓާލަބަލަ! އަބަދު ރޯކަށް ނުވާނެ! ތިހިރަ ރީތި ދެ ލޯ ފާރުވެ ހަލާކުވެދާނެއެއްނު.” ޝަނޫރާއާ ދިމާއަށް އިރުކޮޅަކު ބަލަން އިނދެފައި، ރިޟުވާނު ހިނިތުންވެލިއެވެ. “ކޮންކަމަކާތަ ތި ރޮނީ؟ މީ ކިހައި ހިތްގައިމު ރަށެއް. އަހަރެމެން ދެ މީހުންނަށް ކިހައި މިނިވަންކަމާ އެކު މި ރަށުގަ އުޅެވޭނެ!” ރިޟުވާނު ތެދުވެ ހިންދެމިލިއެވެ. “ޝަނޫއަށް ރިޟޭ ނޫން ފިރިހެނަކު ދެން ނުވެސް ފެންނާނެ!”
ރިޟުވާނު ބާރަށް ހޭން ފެށިއެވެ. އެއާ އެކު ޝަނޫރާގެ ދެ ލޮލުން އޮހެންފެށި ކަރުނަ ވީ އިތުރެވެ. އޭނާއަށް ހިތްދަތިކަމާ އެކު ދެ ލޯ މަރައިލެވުނެވެ. އޭރު އޭނާއަށް ގިސްލެވެމުން ދެއެވެ.
ރިޟުވާނު އެ ތަނުގައި ހުރެ ހީނހީނފައި، އެންމެ ފަހުން އެ ތަނުގައި އިށީނދެއްޖެއެވެ. އޭރު އޭނާ ހީވަނީ ފާޑަކަށް މޮޔަވެފައި ހުރިހެންނެވެ.
“ޝަނޫ! އެނގޭތަ؟ ހިލޭ ފިރިހެނުންނާ ދިމާއަށް ބަލައިގެން ޝަނޫއަށް ލިބެމުން ތި އަންނަ ފާފަތަކެއް ވެސް ދެން ނުލިބޭނެ. އުފާކޮށްބަލަ! ރިޟޭ ހުރިހައި ކަމެއް ވެސް މި ކުރަނީ، ހަމަ ޝަނޫއަށް ރަނގަޅަކަށޭ! ޝުކުރުވެރިވާން ދަސްކޮށްބަލަ!” ހިނި އައިސްފައި އިނދެ މަޑުމަޑުން ރިޟުވާނު ވާހަކަދެއްކިއެވެ.
“އަޅެ އަހަންނަށް….. އަހަންނަށް….” ގިސްލެވޭވަރުން ވާހަކަ ދައްކާކަށް ޝަނޫރާއަކަށް ފަސޭހައެއް ނޫނެވެ.
“ކީކޭ ތި ކިޔަނީ؟”
“ރިޟުވާނު! އަޅެ އަހަންނަށް….. މިހައި ބޮޑު އަނިޔާއެއް ތި ދެނީ….. އަހަރެން ކޮން….. ކުށެއް ކޮށްގެން؟ އަހަރެން ރިޟުވާނަށް…… ކޮން ދެރައެއް ދިނީ؟” ޝަނޫރާގެ ޖުމުލަތައް ބުރިބުރިވަމުން އައި ނަމަވެސް، ބުނި އެއްޗެއް ރިޟުވާނަށް ދޭހަވިއެވެ.
“ފަޅު ރަށްރަށުގަ އުޅޭއިރު މާ ގިނައިން ވާހަކަ ދައްކާކަށް ނުވާނެ.” ޝަނޫރާގެ އަނގަމަތީގައި ރިޟުވާނު އަތް އެޅިއެވެ. “ދެން މާ ގިނައިން ވާހަކަ ނުދައްކާތި އިނގޭ! ތިހެން އުޅުނީމަ ރިޟޭއަށް ހީވާނީ ޝަނޫ މި ރަށުގައި އުޅޭހިތް ނުވެގެން އުޅޭހެން!” ރިޟުވާނު ތެދުވެ ހިންދެމިލިއއެވެ. “ކައިއެއްޗެއް ވެސް ނުލައެއްނު މި އާދެވުނީ. އަންނާނަން ރަށަށް ގޮސް، ވަރަށް މީރު ކައިއެއްޗެއް ހިފައިގެން. އިނގޭ!” ގެއިން ނިކުތުމަށް ޓަކައި ރިޟުވާނު ހިނގައިގަތެވެ.
ރިޟުވާނު ހިނގައިގަތުމާ އެކު، ޝަނޫރާ ފުންމައިގެން ތެދުވެ، ރިޟުވާނުގެ އަތުގައި ހިފެހެއްޓިއެވެ. ރޮއިގަންނަމުންނެވެ. “ރިޟުވާނު! އަހަރެން އެކަނި މި ރަށުގައި ބަހައްޓާފަ ނުދޭ! އަހަރެން ގޮވައިގެން ދޭ! އަހަންނަށް މި ރަށުގައި އެކަނި….!”
“މޮޔަ ވާހަކަ ނުދައްކާ!” ޝަނޫރާ އާދޭސްކުރަން ފެށުމާ އެކު، ޝަނޫރާގެ އަތް ރިޟުވާނު ފޮޅުވައިލިއެވެ. “ކިހިނެއް ވާނެ ކަމެއް ތީ؟ ޝަނޫ ގޮވައިގެން ކިހިނެއް ރަށަށް ދާނީ؟ އޭރުން ހުރިހައި ކަމެއް ވާނީ ފެއިލް. އެހެންނޫނަސް، ރިޟޭގެ ޖަވާހިރު އޮންނަންވާނީ ރިޟޭގެ ޖީބުގަ.”
“ތިހެން ނަހަދާ! ހެޔޮނުވާނެ! އާދޭސްކޮށްފަ މި ބުނީ! އަހަރެން ރަށަށް ގެންދޭ!” ރޮއިރޮއިފައި ޝަނޫރާ އާދޭސްކުރަމުން ގެންދިޔައެވެ.
“ވަރަށް ރީތިކޮށް މި ބުނަނީ……. ޝަނޫއެއް ރަށަކަށް ނުގެންދާނަން! ނުގެންދާނަން! ދުވަހަކު ވެސް ނުގެންދާނަން! އަޑު އިވިއްޖެތަ؟” ރިޟުވާނުގެ އަޑުގައި މި ފަހަރު ހުރީ ނުރުހުމެވެ. ހަރުކަށިކަމެވެ.
“ރިޟުވާން! އަޅެ ތިހެން ނުބުނޭ!” ރިޟުވާނު ގެއިން ނިކުތުމުން، ޝަނޫރާ ދުވެފައި އައިސް، ރިޟުވާނުގެ ދެ ފައި މައްޗަށް ވެއްޓިގެންފައި ރޮއިގަތެވެ. “އަހަންނަށް ތިހެން ނުހަދާ! އަހަރެން ގޮވައިގެން ދޭ! އަހަރެން ދެން އެއްވެސް މީހަކާ ވާހަކައެއް ނުދައްކާނަން! މީހަކާ ދިމާއަށް ބަލައިވެސް ނުލާނަން! ހަމަ ހުވާކޮށްފަ މި ބުނީ؟ ރިޟުވާން! އަހަރެން ގެންދޭ!”
“ޝަނޫ ބަންނާނެ އެއްޗެހި މި ރަށުގައި ހުންނާނެ އިނގޭ! ބަނދެފަ ވެސް ރިޟޭއަށް ދެވިދާނެ!”
ރިޟުވާނުގެ ހަރުކަށި އިންޒާރާ އެކު، ޝަނޫރާގެ ހަރަކާތްތަކަށް ވަގުތުން ހުއްޓުންއެރިއެވެ. ރިޟުވާނު އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި، ގުދުވެ ޝަނޫރާގެ އަތުގައި ހިފައި ނަގައިގެން ގެންގޮސް ގެއަށް ވައްދައިފިއެވެ.
“ރިޟޭ ރަށަށް ގޮއްސަ އަންނަންދެން މި ތާ ބަސްއަހައިގެން އިނދޭ! ރިޟޭގެ ފަހަތުން އެންމެ ފިޔަވަޅެއް ދެން އެޅިޔަސް، ޝަނޫ ބަންނަން ރިޟޭގެ ދެ އަތަށް މަޖުބޫރުވާނެކަން ދަންނާތި!”
ރިޟުވާން ހިނގައިގެންފިއެވެ. ޝަނޫރާ އެ އިންގޮތަށް ހުއްޓުން އަރާފައި އިނެވެ. ރިޟުވާނު ނިކުމެގެން ދާ ތަން ބަލާށެވެ. އެހެން އިންދާ އެ ދެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފިއެވެ.
ޚިޔާލީ ދުނިޔެއިން ޝަނޫރާއަށް ނިކުމެވިއްޖެއެވެ. އޭރު އޭނާގެ ހަތަރެސްފައި އޮތީ ބަނދެފައެވެ. ދެ ލޮލުން ރޮނގަކަށް ކަރުނަ ފައިބަމުން ދެއެވެ. އެހެން އޮއްވާ މަޑުމަޑުން އޭނާގެ ދެ ލޯ މެރިއްޖެއެވެ. ހަމަ ރަނގަޅަށް ވެސް ނިދުނީއެވެ.
ޝަނޫރާއަށް ހޭލެވުނީ ހަމަ ކުއްލިއަކަށް ކަހަލަ ގޮތަކަށެވެ. ހޭލެވުމާ އެކު އޭނާ ވަގުތުން މަސައްކަތްފެށީ އަތްފައި މޮހައިލެވޭތޯއެވެ. ދަތްޕިލައިގެ އެހީއެކު ވަރަށް މަސައްކަތުން ދެ އަތް ވީއްލިއްޖެއެވެ. އެއަށްފަހު ދެ ފައި ވެސް މޮހައިލައިފިއެވެ. އެއާ އެކު އޭނާ ވަގުތުން އެ ގެއިން ނިކުމެއްޖެއެވެ. ވަކި ދިމާއެއް ބެލުމެއް ނެތި ދުއްވައިގެންފިއެވެ. ބޭނުންވަނީ ކޮންމެ ގޮތަކުން ވިޔަސް، ރިޟުވާނުގެ ވަކިތަކުން ސަލާމަތްވާށެވެ.
ދުވަމުން ދުވަމުން ގޮސް ޝަނޫރާއަށް ނިކުމެވުނީ އަތިރިމައްޗަށެވެ. އޭރު އެ ރަށު ފަޅު ބޭރުން ދޯންޏެއް ދުއްވާފައިދެއެވެ. އެ ދޯނި ފެނުމާ އެކު ޝަނޫރާއަށް ބާރަށް ރޮއިގެންފައި އެ ދިމާއަށް ދުއްވައިގަނެވުނެވެ. ދެ އަތް މައްޗަށް ނަގައި ހޫރަމުން، ހަޅޭއްލަވަމުންނެވެ.
ގޮނޑުދޮށުން ދޯނި އަންނަ ދިމާއަށް ޝަނޫރާ ދުވަމުން ދިޔައެވެ. ދޯނީގައި ތިބި މީހުންނަށް ވެސް އެ މަންޒަރު ފެނުނީ ކަންނޭނގެއެވެ. ދޯނީގެ މިސްރާބު ރަށުގެ ނެރާ ދިމާއަށް ބަދަލުކޮށްލައިފިއެވެ. އިސާހިތަކު ނެރުން ވައްދާލައިފިއެވެ. ރޮމުން ހަޅޭއްލަވަމުން ދުވަމުން ދިޔަ ޝަނޫރާއަށް ވެސް، އޭރު އެ ހިސާބަށް ދެވިއްޖެއެވެ.
ކުއްލިއަކަށް ފަހަތުން މީހަކު މާ ބާރަށް ހަޅޭއްލަވައިގަތް އަޑު އިވިފައި، ޝަނޫރާއަށް އެނބުރި ބަލައިލެވުނެވެ. އެ ވަގުތު އޭނާއަށް ފެނުނީ ރަށުގެ ހޭޅިފަށުން ނިކުމެގެން، ހަޅޭއްލަވަމުން އެ ދިމާއަށް ދުވަމުން އަންނަ ރިޟުވާނެވެ. ރިޟުވާނު ފެނުމާ އެކު ގަތް ބިރެއްގެ ބޮޑު ކަމުންޝަނޫރާއަށް މޫދަށް އެރެގަނެވުނެވެ. އޭރު ދޯނި ވެސް ފަޅަށް ވަދެގެން އެ ދިމާއަށް އާދެއެވެ.
ފަހަތުން ދުވެފައި އައި ރިޟުވާނު ވެސް އެ އައި ގޮތަށް އައިސް މޫދަށް އެރެގަތެވެ. މަޑުކުރާށޭ ކިޔައި ހަޅޭއްލަވަމުންނެވެ. އެހެންނަމަވެސް އެ އަޑެއް ޝަނޫރާ ނާހައެވެ. އެއަށްވުރެ އޭނާ ގެންފައިވާ ބިރާއި ހާސްކަން މާ ބޮޑެވެ. އޭނާ ބޭނުންވަނީ ކޮންމެ ގޮތަކުން ވިޔަސް، ރިޟުވާނުގެ ކިބައިން ސަލާމަތްވާށެވެ. މި ގައިދުން މިނިވަންވާށެވެ.
ދުއްވާފައި އައި ދޯންޏާ ހަމައަށް ޝަނޫރާ ފަތަމުން ދިޔައެވެ. ރާޅު ބޮޑުކަމުން، އޮއި ބާރުކަމުން މާ ބާރަކަށް ނުފެތެއެވެ. އަންނަ ބައެއް ރާޅުތައް އޭނާ މޫނަށް ޖަހައެވެ. ނޭފަތަށް ލޮނު ވަދެއެވެ. އަނގައަށް ވަންނަ ލޮނު، ކަރު ބުޑަށް ފޯރައެވެ. މި ފަދަ ހާލެއްގައި ފަތަމުން ދޯންޏާ ހަމައަށް ދެވިއްޖެއެވެ.
ޝަނޫރާއަށް ދޯންޏާ ހަމައަށް ދެވުމުން، ދޯނީގައި ތިބި މީހުންގެ ތެރެއިން މީހަކު ގުދުވެ، ޝަނޫރާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ޝަނޫރާއަށް އެނބުރި ފަހަތް ބަލައިލެވުނެވެ. އޭރު ރިޟުވާނު އައިސް އަރައި ހަމަވަނީއެވެ. އެ މަންޒަރު ފެނިފައި ޝަނޫރާއަށް ހަޅޭއްލަވައިގަނެވުނެވެ. އަވަސް އަވަހަށް އަތް އުފުލައި، އެ މީހާގެ އަތުގައި ހިފެހެއްޓިއެވެ. އެ މީހާ ޝަނޫރާ ނަގަން ހިފައިލިއެވެ. އުފުލައިލިއެވެ. ހަމަ އެ ވަގުތު ރިޟުވާނު އައިސް ޝަނޫރާގެ އެއް ފައިގައި ހިފައި ދަމައިގަތެވެ. ޝަނޫރާއަށް ލިބުނު ސިހުމާއި ހާސްކަން ވީ އިތުރެވެ. އޭނާ ތެޅިގަތެވެ. ވީއްލިފައި އޮތް ފައި ތަޅުވައިގަނެވުނު ގޮތަކުން ޖެހުނީ، ރިޟުވާނުގެ މޫނުމަތީގައެވެ. ވަރަށް ބާރަށެވެ. ރިޟުވާނު ދިޔައީ ވިއްސައިގެންނެވެ. ޝަނޫރާގެ އަތުގައި ހިފަހައްޓައިގެން ހުރި މީހާ، ވަގުތުން ޝަނޫރާ ދަމައި ދޯންޏަށް ނަގައިފިއެވެ. އެއާ އެކު ދޯނީގެ މިސްރާބު ބަދަލުކޮށްލައި، އެ ރަށު ފަޅުން ނިކުތުމަށް ޓަކައި ދުއްވާލައިފިއެވެ. ދޯނީގެ މޯހިރުން ރިޟުވާނު ފަތައިގަތެވެ.
ޝަނޫރާއަށް ސިހިފައި ހޭލެވުނީ އެ ވަގުތުއެވެ. ހޭލެވުމާ އެކު، ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ބޭނުންވީ ތެދުވެގެން ދުއްވައިގަންނާށެވެ. އެހެންނަމަވެސް އަތެއް ފަޔެއް ހަލުވައެއް ނުލެވުނެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ، އޭނާގެ ހަތަރެސްފައި ބަނދެފައި ހުރިތަނެވެ. އެ މަންޒަރު ފެނުމާ އެކު، ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ހިތަށް ވެރިވެގަތް އެއްޗެހިތަކެއްގެ ގިނަކަމުންނެވެ.
ރޮވިފައި އިނދެ އޭނާ މަސައްކަތްފެށީ، ބަނދެފައި ހުރި ތަންތަން މޮހާލެވޭތޯއެވެ. ހުވަފެނުން ފެނުނު ގޮތަށް، އޭނާ މަސައްކަތްކުރިއެވެ. ވަރަށް ހާލުން އުޅެގެން ދެ އަތް މޮހައިލެވިއްޖެއެވެ. ފައި ވެސް މޮހައިލެވިއްޖެއެވެ. އެއަށްފަހު ތެދުވެ އަވަސްއަވަހަށް، ގޭގެ ދޮރު މޮހާލައިގެން އޭނާ ގެއިން ނިކުމެއްޖެއެވެ.
ގެއިން ނިކުމެ އޭނާ ބޭރަށް ބަލައިލިއެވެ. އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. އަވި ވަނީ ނިވާލައިފައެވެ. ލަފާކުރެވޭ ގޮތުން މިހާރު އަސުރުން އިރުތިރިވެދާނެއެވެ. ހަދާނެ ގޮތަކާ މެދު ވިސްނައިލަން އިރުކޮޅަކު އޭނާ އެ ފިޔަވަޅުމަތީގައި މަޑުކޮށްލިއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނާން ހުރީ ހާސްކަމާއި ނުތަނަވަސްކަމެވެ. އިރުކޮޅަކު އެހެން ހުރެފައި، ދުއްވައިގެންފިއެވެ. ފައިވާނަށް ވެސް އަރާކަށް އޭނާ ހަނދާނެއް ނެތެވެ.
ހާސްކަމާއި ނުތަނަވަސްކަމާ އެކު ޝަނޫރާ ވަލުތެރޭގައި ދުވަމުން ދިޔައެވެ. ބޭނުންވަނީ އަތިރތިމައްޗަށް ފައިބާށެވެ. އޭނާއަށް ދުޢާކުރެވެމުން ދިޔައީ، ފެނުނު ހުވަފެން ހަގީގަތަކަށްވޭތޯއެވެ. ދޯންޏެއް އައިސް އޭނާ އެ ރަށުން ސަލާމަތްކުރާނޭ ފަދަ ގޮތެއް މިންވަރުކުރައްވާތޯއެވެ.
ދުވަމުންދުވަމުން ގޮސް ޝަނޫރާއަށް ނުކުމެވުނީ އަތިރިމައްޗަށެވެ. އޭނާއަށް ވަގުތުން އުދަރެހާ ދިމާއަށް ކަޅި ހިންގައިލެވުނެވެ. އެއްވެސް ދިމާއަކުން އޭނާ އުއްމީދުކުރި ފަދަ މަންޒަރެއް ފެންނާކަށް ނެތެވެ. އޭރު އިރު އޮއްސެން ކައިރިވާ ކަމުގެ އަސަރުތައް އުޑުމަތިން ފެންނާން ވަނީ ފަށާފައެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ކުދިކުދި ރާޅުތަކުގެ ހެލިފެލިވުން ފެނުމާ އެކު، އޭނާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެ ތަނުން ރާޅަކަށް ވާނޭ ނަމައޭ ހިތަށް އެރިއެވެ. އެ ވަގުތު އޭނާގެ ދެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އެ ހުރި ތަނުގައި އިށީނދެވުނީ ހިތަށް ވެރިވި ހިތްދަތި އިހުސާސްތަކެއްގެ ބޮޑުކަމުންނެވެ.
އެހެން އިންދާ ޝަނޫރާގެ ކަންފަތުގައި އިރުކޮޅަކުން ޖެހުނީ އިންޖީނެއްގެ އަޑެވެ. އޭނާއަށް އަވަސްއަވަހަށް ލޯ ހުޅުވައިލެވުނެވެ. ހިތަށް ވެރިވީ އުފާވެރިކަމެވެ. ފެނުނު ހުވަފެން ހަގީގަތަކަށް ވަނީއޭ ހިތަށް އަރާފައެވެ. އެހެންނަމަވެސް ވީ އެހެނެއް ނޫނެވެ. ފެނުނީ އެ ރަށާ ދިމާއަށް ދުއްވާފައި އަންނަ، ރިޟުވާނުގެ ޑިންގީއެވެ.
އެ މަންޒަރު ފެނުމާ އެކު ޝަނޫރާގެ ދެ ލޯ ބޮޑުވިއެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އަވަސްއަވަހަށް ދުއްވައިގަތެވެ. އެނބުރި އައި ކޮޅަށެވެ. ހޭޅިތެރެއަށް ވަދެ، އޭނާ ގަސްތަކުގެ ތެރޭން ދުވެވުނުހައި ބާރަކަށް ދުވަމުން ދިޔައެވެ. އޭރު އޭނާގެ ހިތް ތެޅެމުން ދަނީ ވަރަށް ބާރަށެވެ. ހީވަނީ އެއަށް ލިބިފައިވާ ޖާގައިގައި އޮންނަން ދަތިވެގެން އުޅޭހެންނެވެ.
ދުވަމުންދުވަމުން ގޮސް، ޝަނޫރާއަށް ނިކުމެވުނީ، ރަށުގެ އަނެއް ފަރާތަށެވެ. މި ވަގުތު އޮތީ ހިކިދިޔަކަމުން، އެ ފަރާތުގައި އޮތް އާނުގަނޑު އޮތީ އެއްގަމުގައެވެ. ޝަނޫރާއަށް ހޭޅިފަށުގައި އިށީނދެވުނެވެ. އޭރު ވެސް އޭނާ އިނީ، ބިރުން ސިހިސިހި އިންނަ ކަހަލަ ގޮތަކަށެވެ. އެހެން އިންދާ ރިޟުވާނުގެ ޑިންގީގެ އިންޖީނުގެ އަޑު އިވޭން ފެށިއެވެ. ހިނދެއް ހިނދަކަށް އެ އަޑު ބާރުވަމުން އާދެއެވެ. ޑިންގީ ރަށާ ކައިރިވި ވަރަކަށް، ޝަނޫރާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވެސް އައީ ބޮޑުވަމުންނެވެ.
އިރުކޮޅަކުން އިންޖީނުގެ އަޑު ކެނޑިއްޖެއެވެ. ޑިންގީ ރަށަށް ލެފީއެވެ. ޝަނޫރާ ތެދުވިއެވެ. ފުރަތަމަ ހިނގައިގަތީ މޫދާ ދިމާއަށެވެ. އެ ދިޔަ ގޮތަށް ގޮސް، އާނުގަނޑު މައްޗަށް އެރިއެވެ. އެއަށްފަހު އެނބުރި ހޭޅިއާ ދިމާއަށް ބަލައިލިއެވެ. އެކި ކުލަތަކުން ފެވެމުން ދާ އުޑުމައްޗަށާއި އުދަރެހުގައި ބޯވެފައިވާ ވިލާތަކުގެ ތެރެއަށް ވަންނަމުން ދާ އިރަށް ނަޒަރުހިންގާލިއެވެ. އަނެއްކާ ވެސް އޭނާއަށް ހިނގައިގަނެވުނީ މޫދާ ދިމާއަށެވެ.
ރާޅުފެނާ ހިސާބުން ޝަނޫރާގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. އަނެއްކާ ވެސް އެނބުރި ހޭޅިއާ ދިމާއަށް ބަލައިލިއެވެ. އޭނާ އެ އުޅެނީ ހަދާންވީ ގޮތެއް ނޭނގިގެންނެވެ. ހޭޅިއަށް ވަދެ ފިލަންވީބާވައެވެ؟ ނޫނީ މޫދަށް އެރި ފަތައިގަންނާންވީބާވައެވެ؟ ގޮތެއް ނުނިންމިގެން އުޅެނިކޮށް، އޭނާގެ ކަންފަތުގައި ޖެހުނީ، ވަރަށް ބާރަށް އޭނާގެ ނަމުން މީހަކު ގޮވައިލި އަޑެވެ. އެ އަޑު ކަންފަތުގައި ޖެހުމާ އެކު، އެއީ ރިޟުވާނުގެ އަޑުކަން އޭނާއަށް ޔަގީންވިއެވެ. އެހެންނަމަވެސް އެ އަޑު އައީ ތަންކޮޅެއް ދުރުންނެވެ. އިރުކޮޅަކުން އަނެއްކާ ވެސް ގޮވައިލި އަޑު އިވިއްޖެއެވެ. މި ފަހަރު އަޑު އައީ ކުރިއަށް ވުރެ ތަންކޮޅެއް ކައިރިންހެން ހީވިއެވެ.
ޔަގީނެވެ. އޭނާ ގެއަށް ދިޔައިރު، ޝަނޫރާ ނެތުމުން، ހާސްވެގެން ތެޅިގަތީއެވެ. ގޮވަމުން ހޯދަން ނިކުތީއެވެ. މި ކަން ޝަނޫރާއަށް ވިސްނިއްޖެއެވެ. އޭނާގެ ހަތަރެސްފައިން ހީބިހި ނަގައިގަތެވެ. ހާސްވިލެއް ބޮޑުކަމުން، ފުރަތަމަ އޭނާ އުޅުނީ މޫދަށް އެރިގަންނާށެވެ. އެހެންނަމަވެސް އެނބުރި ދުއްވައިގަތީ ހޭޅިއާ ދިމާއަށެވެ. އެ ވަގުތު އަނެއްކާ ވެސް ރިޟުވާނުގެ އަޑު ކަންފަތުގައި ޖެހުނެވެ. މި ފަހަރު އިވުނީ ކުރީ ފަހަރަށް ވުރެ ވެސް ކައިރިންހެން ހީވެއެވެ.
ޝަނޫރާ ދުވެފައި ގޮސް ހޭޅިތެރެއަށް ވަދެ، ބޯކޮށް ހެދިފައި ހުރި މަގޫ ގަސް ތަކެއްގެ ތެރޭގައި ބޮނދައިފިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުން ދެއެވެ. ހިތް ތެޅެނީ އޮބި ނޯންނަ ވަރަށެވެ. މުޅި ހަށިގަނޑު ދަލުން ފޯވާން ފަށައިފިއެވެ. ފާޑަކަށް ބޮލަށް ވެސް ތަދުވާން ފަށައިފިއެވެ.
މި ފަދަ ހާލެއްގައި ޝަނޫރާ އޮއްވާ، އަނެއްކާ ވެސް ރިޟުވާނުގެ އަޑު އިވިއްޖެއެވެ. އެ އަޑު އަންނަ މިންވަރު، ފަހަރަކަށް ވުރެ ފަހަރެއް އައީ ކައިރިވަމުންނެވެ. ޝަނޫރާގެ ހިތުގެ ބިރުވެރިކަން ވެސް އައީ އިތުރުވަމުންނެވެ.
އިރުކޮޅަކުން ފެނުނީ ދުވެފައި އައިސް، އެ ދިމާ އަތިރިމައްޗަށް ރިޟުވާނު ފޭބިތަނެވެ. ޝަނޫރާ ފޭބި ދިމާއަށްވުރެ ތަންކޮޅެއް ދުރަށެވެ. އޭރު އޭނާގެ އަތުގައި ޝަނޫރާގެ ފައިވާން އޮތެވެ. އޭނާ ހުރީ ވަރުބަލިވެފައެވެ. ދާހިއްލާފައެވެ. މޫނުމަތިން ފެންނަނީ ކަންބޮޑުވުމާއި ހާސްކަމެވެ. ގޮނޑުދޮށަށް ފޭބިގޮތަށް އެކި ދިމަދިމާއަށް ކަޅި އުކައިގަތެވެ. އެ ދިމާއަށާއި މި ދިމާއަށެވެ. ހޭޅިއަށާއި މޫދަށެވެ. އެއްވެސް ދިމާއަކުން ޝަނޫރާގެ އެއްވެސް ނިޝާނެއް އޭނާގެ ލޮލަކު އަޅައެއް ނުގަތެވެ.
އޭނާ ފުރަތަމަ ދުއްވައިގަތީ، ޝަނޫރާ ހުރި ކޮޅު ނޫން އަނެއް ކޮޅަށެވެ. އެހެންނަމަވެސް ދެތިން ހަރަތު ފިޔަވަޅެއް އެޅުމަށްފަހު، ހުއްޓިއްޖެއެވެ. އެނބުރި އަނެއްކޮޅަށް ދުއްވައިގެންފިއެވެ. އަޑުގައި ހުރި ބާރަކަށް ޝަނޫރާގެ ނަމުން ގޮވާލައިފިއެވެ.
ވަކި ހިސާބަކަށް އައިތަނާ އޭނާގެ ލޮލުގައި އަޅައިގަތީ ޝަނޫރާގެ ފިޔަވަޅުތަކެވެ. އެ ފިޔަވަޅުތައް ފެނުމާ އެކު، އޭނާގެ ދެ ފައިގައި މީހަކު ހިފެހެއްޓި ކަހަލައެވެ. ވަގުތުން ހުއްޓިއްޖެއެވެ. ދެ ލޯ ބޮޑުކޮށްފައި އެ ފިޔަވަޅުތަކަށް ބަލާންފެށިއެވެ. ފިޔަވަޅުތައް ފުރަތަމަ އެތުރިފައި ހުރީ މޫދާ ދިމާއަށެވެ. އެއަށްފަހު ދެން ހުރީ އެނބުރި އައިސް ހޭޅިއަށް ވަދެފައެވެ.
މި މަންޒަރު ފެނުމުން، ރިޟުވާނުގެ ތުންފަތްމައްޗަށް ކުޑަކުޑަ ހިނިތުންވުމެއް ވެރިވިހެން ހީވިއެވެ. އެ ފިޔަވަޅުތައް ގޮސް ވަދެފައި ހުރި ދިމާއިން ހޭޅިއަށް އޭނާ ބަލައިލިއެވެ. މިރިއްސާއި މަގުލާއި ކުރެދީން ބޯވެފައިވާ ގަސްތަކުގެ ތެރެއަށެވެ. އިރު އޮއްސެން ކައިރިވެފައިވާ ވަގުތެއްކަމުން، ހޭޅިތެރެ ފެންނަނީ އަނދިރިކޮށެވެ.
ރިޟުވާނު ވަގުތުން އެ ދިމާއަށް ދުއްވައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް ހޭޅިތެރެއަށް ވަދެގެންފިއެވެ. އޭނާއަށް ގޮސް ވަދެވުނީ ޝަނޫރާ ވަން މަގޫ ގަސްބޮނޑިއާ ދިމާށެވެ. ގަސްތަކުގެ ފަތްތަކާއި ގޮފިތައް ދުރުކޮށް، އެތާ އެތެރެ އޭނާ ބެއްޔެވެ. އެހެންނަމަވެސް އެތާކު މީހަކު ނެތެވެ. އެހެންކަމުން އޭނާ އުޅުނީ، ހޭޅިތެރެއަށް ވަންނާށެވެ. ޔަގީނުން ވެސް އެ ދިމާގައި ޝަނޫރާ ވާނެއޭ އޭނާގެ ހިތް ބުނަމުން ގެންދާތީއެވެ. އެހެންނަމަވެސް ހަމަ އެ ވަގުތުން ހައެއްކަ ފޫޓު ދުރުން، ހޭޅިތެރެއިން މީހަކު ނިކުމެ ދުއްވައިގަތް އަޑު އިވިއްޖެއެވެ. ރިޟުވާނު ވަގުތުން ހޭޅިން ނިކުމެއްޖެއެވެ. އަޑު އައި ދިމާއަށް ބަލައިލި އިރު ފެނުނީ ޝަނޫރާ ދުވެފައި ގޮސް މޫދަށް އެރެގަތްތަނެވެ.
“ޝަނޫ!” އަޑުގައި ހުރި ބާރެއްލާފައި، ރިޟުވާނު ގޮވައިލިއެވެ. އަދި ޝަނޫރާގެ ފަހަތުން ދުއްވައިގަތެވެ. މޫދާ ދިމާއަށެވެ. ރިޟުވާނު އަންނަތަން ފެނުމުން ޝަނޫރާއަށް ރޮއިގަނެވުނެވެ. ރަށާ ދުރަށް، ކަނޑާ ދިމާއަށް ބާރަށް ފަތައިގަތެވެ. މި މަންޒަރު ފެނިފައި ރިޟުވާނު ހަޅޭއްލަވައިގަތެވެ. މަޑުކުރާށޭ ކިޔާފައެވެ. މި އަޑެއް ޝަނޫރާ ނާހައެވެ. އޭނާ މަސައްކަތްކުރީ ރިޟުވާނުގެ ކިބައިން ސަލާމަތްވާށެވެ. ރިޟުވާނުގެ ރަހުމެއް ނެތް ވަކިތަކުގައި ހައްޔަރުވެގެން އެހެން އުޅުމަށް ވުރެ، ކަނޑަށް އެރި މަރުވުން ވެސް އޭނާއަށް މާ ރަނގަޅެވެ.
“ޝަނޫ! މަޑުކޮށްބަލަ! ކޮންތާކަށް ތި ދަނީ؟”
ޝަނޫރާގެ ފަހަތުން ރިޟުވާނު ފަތައިގަތެވެ. ޝަނޫރާ ފަތަފަތާ އޮއްވާ ރިޟުވާނު ގޮސް އޭނާއާ އަރައި ހަމަކޮށްފިއެވެ. އޭރު އެ ދެ މީހުން ތިބީ އެ ރަށާ ފަސް ދޮޅަހަކަށް މީޓަރު ދުރުގައެވެ. ކަނޑު ތޮއްޓާ ވަރަށް ކައިރީގައެވެ.
ރިޟުވާނު އައިސް އަރައި ހަމަކުރިތަން ފެނިފައި ޝަނޫރާ ސިހުނެވެ. ދެ ލޯ ބޮޑުވިއެވެ. ގަތް ބިރެއްގެ ބޮޑުކަމުން ރޮއިގަނެވުނެވެ.
“ޝަނޫ! ކިހިނެއް ތި އުޅެނީ؟ ކޮން ތާކަށް ދާންތަ ތި އުޅެނީ؟ ވަށައިގެން މި އޮތީ ކަނޑެއްނު!” ރިޟުވާނު ގޮސް ޝަނޫރާގެ ގައިގައި ހިފަހެއްޓިއެވެ.
ގަދަހެދޭތޯ ޝަނޫރާ މަސައްކަތްކުރިއެވެ. ރިޟުވާނުގެ ކިބައިން ސަލާމަތްވެވޭތޯ އުޅުނެވެ. އެހެންނަމަވެސް އޭނާއަކަށް އެކަމެއް ނުވިއެވެ. ވަރުބަލިވެފައިވާލެއް ބޮޑުކަމުންނެވެ. ގައިގައި ހަކަތައެއް ނެތީމައެވެ. އެހެންކަމުން ވަރަށް ފަސޭހަކަމާ އެކު ޝަނޫރާ ގޮވައިގެން ރިޟުވާނު ރަށާ ދިމާއަށް ފަތައިގަތެވެ.
ޝަނޫރާ ގޮވައިގެން ރިޟުވާނު އެއް ގަމަށް އަރައިފިއެވެ، އޭރު އޭނާ ވެސް ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންނަމަވެސް އޭނާ އެންމެ ސިކުންތެއް ވެސް ބޭކާރުކޮށް ނުލައެވެ. ޝަނޫރާ ނަގައި ކޮނޑަށް ލައިގެން ހިނގައިގެންފިއެވެ. ޝަނޫރާ އޮތީ ވަރުބަލިވެގެން ގޮސް ރިޟުވާންގެ އަތް މައްޗަށް ދެމިފައެވެ. އޭރު އިރު އޮއްސި ޖައްވު އަނދިރިވާން ފަށައިފިއެވެ.
ޝަނޫރާ އުފުލާލައިގެން ރިޟުވާނު ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.
“ބައްތި ވެސް ނުދިއްލައެއްނު މި ހިރީ.” ޝަނޫރާ ގެންގޮސް ސަތަރިމަތީގައި ބައްވާފައި ރިޟުވާނު ހިންދެމިލިއެވެ. ވަރުބަލިވެފައި އޮތްލެއް ބޮޑުކަމުން ޝަނޫރާގެ ގައިގައި ހިރިލާނޭހައި ވަރު ވެސް ނެތެވެ.
ފޯނު ނަގައި ލައިޓް ޖައްސާލުމާ އެކު ގޭތެރެއަށް ވެރިވެފައިވާ އަނދިރިކަމަށް ހުރަސްއެޅިއްޖެއެވެ. ފޯނު ހިފައިގެން ރިޟުވާނު ކުރިއަށް ޖެހިލިއެވެ. އެ ތަނުގައި ހުރި ކަރުދާސް ފޮށިގަނޑަކާ ދިމާއަށެވެ. ފޯނުން އަލިކޮށްގެން އޮވެ އޭނާ އެ ފޮށި ހާވާންފެށިއެވެ. އިރުކޮޅަކުން އޭގެތެރެއިން ލައިޓަރެއް ނަގައި، ގޭތެރޭގައި ހުރި ފުޅިބައްތިއެއް ދިއްލައިލިއެވެ.
މިހާރު ގޭތެރޭގައި ހުރީ ފުޅިބައްތީގެ ރަތް އައްޔެވެ. އޭރު ވެސް ޝަނޫރާ ސަތަރިގަނޑު މަތީގައި ހަމަ އެ އޮތް ގޮތަށް އެއް އަރިއަކަށް އޮތެވެ. އަތެއް ފަޔެއް ގުޑުވައިލާތަން ވެސް ނުފެނެއެވެ. ދެ ލޯ ވަނީ މެރިފައެވެ. ވަރަށް ކުރުކުރުކޮށް ނޭވާލަމުން ގެންދެއެވެ.
ޝަނޫރާއާ ދިމާއަށް އިރުކޮޅަކު ބަލާން ހުރެފައި، ރިޟުވާނު ކުރިއަށް ޖެހިލިއެވެ. ސަތަރިގަނޑު މަތީގައި އޮތް ރޯނުފަށް ހިފައިގެން އޭނާ ހިނގައިގަތީ ޝަނޫރާއާ ދިމާއަށެވެ.
“ޝަނޫ!” ޝަނޫރާ ގާތުގައި އިށީނދެ ވަރަށް ލޯބިން ރިޟުވާނު ގޮވައިލިއެވެ. ހެދުން ރީތިކޮށްލައި، މޫނުމަތީގައި ތަތްވެފައި ހުރި އިސްތަށިތައް ރީތިކޮށްލިއެވެ.
“ޝަނޫ ގާތުގައި ކިތައް ފަހަރު ބުނެފިން ރިޟޭއަށް ފިލަން ނޫޅޭށޭ! ރިޟޭ މިހައި ލޯބިން އުޅޭއިރު ވެސް ތިހިރީ ޝަނޫ އުޅޭ ގޮތް. ކީއްވެތަ އަބަދު ތިހެން ތި އުޅެނީ؟ ޝަނޫއަށް ޓަކައި ރިޟޭ މިވާ ގުރުބާނީއެއް ޝަނޫއަކަށް އިހުސާސެއް ނުކުރެވޭތަ؟ އަމިއްލަ ރަށާއި މައިންބަފައިން ދޫކޮށްފައި، މިހެން އައިސް އުޅޭނެ ފިރިޔަކު ނިކަން ޝަނޫ ދައްކަބަލަ!”
ރިޟޭގެ އެ ވާހަކަތަކަށް ޝަނޫ އެއްވެސް އެއްޗެއް ނުބުނެއެވެ. ރިޟުވާނު އިރުކޮޅަކު މަޑު ކޮށްލިއެވެ. ޝަނޫރާގެ ބަހަކަށް އިންތިޒާރުކުރީ ކަންނޭނގެއެވެ. ދެން ފެނުނީ އެއްކަލަ ރޯނުގަނޑުން އަނެއްކާ ވެސް ޝަނޫރާގެ ދެފަޔާއި ދެ އަތް ބަންނާންފެށިތަނެވެ.
“ދެން މޮހާލައިފިއްޔާ، ހިލިހިލާ ޖަހާފަ ކޮށްޓެއްގައި ބާއްވާނީ. އޮޅުވި ދުވަހަކުން ކޮށިން ނެރޭނީ” ރިޟުވާނު ހިނިތުންވެލިއެވެ. އޭނާގެ އެ އަޑުގައި ހުރީ ސަމާސާއެވެ.
ވަރަށް ހިތްވަރުކޮށްގެން އޮއްވާ ވެސް ޝަނޫރާއަށް ރޮވިއްޖެއެވެ. އޭނާއަށް ހަމަ ބާރަށް ރޮއިގަނެވުނީއެވެ.
“ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ ދޯ! ހިނގާ އެއްޗެއް ކެވޭތޯ އުޅެމާ.” ޝަނޫރާ ރޯން ފެށުމުން ރިޟުވާނު ތެދުވިއެވެ.
ފޮށިގަނޑުގެ ތެރެއިން ރިޟުވާނު ނެގީ ދަޅެކެވެ. އޭގެ ތެރެއިން ފެނުކައްކާފައި އޮތް ބަނބުކެޔޮ ފޮއްޗެއް ނެގިއެވެ. އޭނާ ގޮސް ޝަނޫރާ ގާތުގައި އިށީނދެފައި ޝަނޫރާ ނެގިއެވެ. އޭނާ މަސައްކަތްކުރީ ޝަނޫރާއަށް އެ ބަނބުކެޔޮ ފޮތި ކާން ދެވޭތޯއެވެ. އެއިން އެތިކޮޅެއް އޭނާ ޝަނޫރާގެ އަނގައަށް ލެވިއެވެ. އެހެންނަމަވެސް ޝަނޫރާއަކަށް އެއިން އެންމެ އެތިކޮޅެއް ވެސް ދިރޭ ގޮތެއް ނުވިއެވެ. ކަރުތެރެ ވަނީ ހިކިފައެވެ. ފެން ބޮވައިގަނެގެން ކުޑަދޫ ހީވަނީ ނިކުމެދާނެހެންނެވެ. އަނެއްކޮޅުން ލޮނާ ތެމިފޯވެފައި އިނުމުގެ ސަބަބުން ވަރަށް ބޮޑަށް ހީ ވެސް ކަރުވައެވެ.
“ތިހެން ނޫޅެ ދެން ހިތްވަރުކޮށްފައި ކެވޭތޯ ބަލާބަލަ!” ޝަނޫރާއަށް ނުދިރުމުން ރިޟުވާނު ވަރަށް ލޯބިން ބުންޏެވެ.
އަނގަޔަށް ލެވުނު އެތިކޮޅު ދިރުވައިލެވޭތޯ ޝަނޫރާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެ ކަމެއް ނުވިއެވެ. ޝަނޫރާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ. އޭނާގެ ހިތުގެ ގިލަންވެރިކަން ހިނދެއް ހިނދަކަށް އައީ ބޮޑުވަމުންނެވެ.
“ނު…… ނުކެވޭނެ.”
“ހިތްވަރުކޮށްލާ! ކެވޭނެ! ތިހެން ނުކައި އޮއްވާ މަރުވެއްޖިއްޔާ ރިޟޭ މޮޔަވެދާނެއެއްނު.”
“މަރުވާން ބޭނުންވަނީ” ގިސްލުމުގެ ތެރެއިން ޝަނޫރާގެ އަޑު ނިކުތެވެ.
“މަރުވާށޭ؟” ރިޟުވާނު ތެޅިގަތެވެ. “ހެޔޮތަ ރިޟޭ މޮޔަވިޔަސް؟ އުނހު! ޝަނޫ މަރުވެގެން ނުވާނެ! ޝަނޫ ނެތް ދުނިޔަކު ރިޟޭއަކަށް ނޫޅެވޭނެ! ދެން އަވަހަށް ކައިލާ!”
“ނުކެވޭނެ!”
“ކީއްވެ؟ މީ ޝަނޫއަށް އެންމެ މީރު ފެނުކެއްކި ބަނބުކޭލެއްނު!”
“ނު….. ނު ދިރޭ.”
“ކީއްވެހޭ؟ ނުބައީތަ؟”
އާއެކޭ ބުނުމުގެ ގޮތުން ޝަނޫރާ ބޯޖަހައިލިއެވެ. ރިޟުވާނު އެއްޗެއް ނުބުނެ ފާޑަކަށް ބަލަން އިނދެފައި ތަށި އެ ތަނުގައި ބެހެއްޓިއެވެ. އަދި ތެދުވެގެން ހިނގައިގެންފިއެވެ. ގެއިން ނިކުތުމަށެވެ.
“ކޮންތާކަށް ތިދަނީ؟” ޝަނޫރާގެ އަޑު މަޑެވެ. އެ އަޑުގައި ހުރީ ހާސްވުމާއި ކަންބޮޑުވުމެވެ.
“ރަށަށް.”
“އަހަރެން އެކަނި ބައިންދާފަ ދަނީތަ؟” ޝަނޫރާގެ ހިތް ބިރުވެރި ތެޅުމަކުން ތެޅިގަތެވެ.
“ޝަނޫއަށް ކެވޭކަހަލަ ކައި އެއްޗެއް ލިބޭތޯ މި ދަނީ.”
“އަހަރެން ގޮވައިގެން ދޭ!” ޝަނޫރާ ރޮއިރޮއި އިންދާ ރިޟުވާނު ނިކުމެއްޖެއެވެ.
ޝަނޫރާގެ ހިތަށް ވަން ބިރުވެރިކަން ހިނދެއް ހިނދަކަށް ބޮޑުވާންފެށިއެވެ. އޭނާގެ ހަނދާނަށް އައީ މި ރަށާ ގުޅުވައިގެން އެއް ދުވަހަކު ސައީދު ދެއްކި ވާހަކަތަކެވެ. މި ރަށުގެ ނާމާން ވާހަކައެވެ. ރަށުތެރެއިން ރޭގަނޑު ބިރުވެރި އެއްޗެހި ފެންނަ ވާހަކައެވެ.
ސައީދުގެ އެ ވާހަކަތައް ސިކުނޑީގައި އެނބުރިގަތުމާ އެކު، ޝަނޫރާ ގެންފައިވާ ބިރު ކުރިއަށް ވުރެ ވެސް ބޮޑުވެއްޖެއެވެ. ސަތަރިގަނޑު މައްޗަށް ވެއްޓިގަތެވެ. އޭނާގެ ބޮޑުވެފައި ހުރި ދެ ލޯ، އެ ފަން ޖިފުޓީގެ އެކި ދިމަދިމާއަށް ހުއްޓެމުން ދިޔައެވެ. ހަތަރެސްފައި ބަނދެފައި އޮތުމުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އެހެން އޮތް އިރު، ގޭ ބޭރުގައި މީހަކު އުޅޭހެން ވެސް އޭނާއަށް ބައެއް ފަހަރު ހީވެއެވެ.
ރިޟުވާނު ރަށަށް ގޮސް، ވަރަށް ސިއްރުން އެ ގޭ ބަދިގެއަށް ވަދެ، އޭނާ ބޭނުންވާ ތަކެތި ހަމަކޮށްލައިގެން ނިކުމެގެން ހިނގައްޖެއެވެ. ޑިންގީއަށް އަރައި ކުޑަފުށްޓާ ދިމާއަށް މިސްރާބުޖެހި އިރު، އަށްގަޑި ބައިވަނީއެވެ.
ޑިންގީ އޭގެ ހަލުއި ދުވެލީގައި ރިޟުވާނު ގޮވައިގެން އައިސް އެ ރަށަށް ލަފައިފިއެވެ. ޑިންގީ އަޅާފައި ރިޟުވާނު ފުންމައިލިއެވެ. ގެނައި ތަކެތި ޑިންގީން ބާލައި އެއްގަމަށް އެރުވިއެވެ. އޭގެތެރޭގައި ތެޔޮ އުނދުނަކާއި ޑަބިޔާއަކާއި ފޮށިގަނޑަކާއި އަދިވެސް މި ކަހަލަ ބައެއް ސާމާނު ހުއްޓެވެ.
އެ ތަކެތި ހިފައިގެން ރިޟުވާނު ހިނގައިގަތެވެ. އެއްގަމަށް އެރުމަށެވެ. އޭނާއަށް އެރުނީ ތަންކޮޅަކަށެވެ. އޭނާގެ ފަހަތުން މީހަކު އަންނަހެން ހީވެގެން އެނބުރި ބަލައިލިއެވެ. އެ ވަގުތު ފެނުނު މަންޒަރަކުން ރިޟުވާނަށް ހަޅޭއްލަވައިގަނެވުނެވެ. ކޮނޑުމަތީގައި ހުރި ތަކެތި ދޫކޮށްލާފައި ހޭޅިއާ ދިމާއަށް ދުއްވައިގަތެވެ.
ޝަނޫރާ އޮތީ ބިރުން ވިރިވިރިއެވެ. ދެ ލޯ ބޮޑުކޮށްގެން، އެކި ދިމަދިމާއަށް ބަލަބަލައެވެ. ގޭ ކައިރިން ފާޑެއްގެ އަޑެއް އިވުނުހެން ހީވިފަހުން، އޭނާގެ ހިތުގެ ބިރުވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންނަމަވެސް ހަތަރެސްފައި ބަނދެފައި އޮތުމުން، ކުރެވޭނެކަމެއް ނެތެވެ. ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް، އެ އޮތްގޮތަށް އޮތުން ނޫން ގޮތެއް ނެތެވެ. ރޮލައިހިފައި ކެޔަސް، ޖެހޭނީ އޮންނާށެވެ.
އެ ފަދަ ހާލެއްގައި، ބިރުން ތުރުތުރުއަޅާ ހާލު އެހެން އޮއްވާ، ލައްޕާފައި ހުރި ފުޅަލިގަނޑު މަޑުމަޑުން ތެޅިލައިފިއެވެ. ޝަނޫރާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އިސްތަށިތައް ކޮޅަށް ޖެހުނެވެ. ދެ ލޯ ބޮޑުކޮށްގެން އެ ދިމާއަށް ނަޒަރު ހުއްޓާލައިގެން އޭނާ އޮތެވެ. އެހެން އޮއްވާ އަނެއްކާ ވެސް ފުޅަލިގަނޑު ހެލިލައިފިއެވެ. މި ފަހަރު ކުރީ ފަހަރަށް ވުރެ ބާރަށެވެ.
ބިރުން އަވަދިވެފައި އޮތް ޝަނޫރާގެ ހަށިގަނޑު އިސާހިތަކު ދަލުން ފޯވަމުން ދިޔައެވެ. ހިތުގެ ތެޅުން އަވަސްވަމުން ދިޔަ ވަރަކަށް، ނޭވާލުމަށް ދަތިވަމުން ދެއެވެ. އޭނާގެ މި ހާލަތަށް ލުއިކަމެއް ލިބުނީ، މަޑުމަޑުން އެއް ފަރާތްވުމުންނެވެ. ގޭ ދިރުމަތިން ރިޟުވާނުގެ މޫނު ފެނުމުންނެވެ. ޝަނޫރާއަށް ހަށިފުރައި ނޭވާއެއް ލެވުނެވެ. ހިތަށްވެރިވި ބިރުވެރިކަމަށް ލިބުނު ލުޔާ އެކު، އޭނާއަށް ދެ ލޯ މަރައިލެވުނެވެ. ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް ނުވަތަ އަމާންކަމެއް އިހުސާސް ކުރެވުމުންނެވެ.
ދެ މިނެޓެއްހައި އިރު ވެއްޖެއެވެ. ޝަނޫރާ އޮތީ ދެ ލޯ މަރައިގެންނެވެ. ނޭވާ ހުރީ އަދި ވެސް އަވަސްވެފައެވެ. ރިޟުވާނުގެ އަޑެއްބަޑެއް ނީވުމުން، ޝަނޫރާ ލޯ ހުޅުވައިލިއެވެ. އޭރު ވެސް ގޭ ދޮރުމަތީގައި، އެ ހުރި ފިޔަވަޅުމަތީގައި ރިޟުވާނު ހުއްޓެވެ. ޝަނޫރާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ޝަނޫރާ ބަލައިލުމުން، އިރުކޮޅަކު ހުރެފައި މަޑުމަޑުން ގެއަށް ވަދެއްޖެއެވެ. ފުޅިބައްތީގެ އަލި ރިޟުވާނުގެ މޫނަށް އެޅުމުން، ޝަނޫރާއަށް ފާހަގަކުރެވުނީ އޭނާގެ މުޅި މޫނު ދަލުން ފޯވެފައި ހުރިކަމެވެ.
މަޑު ފިޔަވަޅުތަކެއްގައި އައިސް، ރިޟުވާނު ހުއްޓުނީ، ޝަނޫރާ ގާތުގައެވެ. ރިޟުވާނު ކައިރިވަމުން އައި ވަރަކަށް ޝަނޫރާގެ ހިތުގެ ބިރުވެރިކަން އައީ އިތުރުވަމުންނެވެ. ދެން ހަދާނީ ކިހިނެއްކަން ނޭނގޭތީއެވެ. ޝަނޫރާއަށް މިހާރު ޔަގީންވާ ގޮތުގައި، ރިޟުވާނަކީ ނަފުސާނީ ބަލިން ފޯވެފައިވާ މީހެކެވެ. އޭނާ ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެއެވެ. އޭނާގެ ހިތުގައި މީހެއްގެ މައްޗަށް ރަހުމެއް ނުހުންނާނެއެވެ. ލޯތްބެއް އޯގާވެރިކަމެއް ވެސް ނުހުންނާނެއެވެ.
މި ކަހަލަ ފިކުރެއްގައި ޝަނޫރާ އޮއްވާ ރިޟުވާނު މަޑުމަޑުން ޝަނޫރާގެ ގާތުގައި އިށީނދެއްޖެއެވެ. އުޑަފައިންނެވެ. އިރުކޮޅަކު ޝަނޫރާއާ ދިމާއަށް ބަލަން އިނދެފައި، ޝަނޫރާގެ ދެ އަތް މޮހާން ފަށައިފިއެވެ. މި މަންޒަރު ފެނިފައި ޝަނޫރާގެ ހިތަށް ވެރިވީ ހައިރާންކަމެވެ. އޭނާގެ ހިތް ތެޅިގަތީ، ދެން ހަދާނެ ގޮތެއް ނޭނގޭތީއެވެ. އޭނާއަށް ރަނގަޅަށް އެއްވެސް ކަމެއް ކޮށްފާނެ ކަމަކަށް މިހާރު އޭނާގެ ހިތެއް ނުބުނެއެވެ.
ރިޟުވާނު އެ އިން ގޮތަށް އިނދެ، ޝަނޫރާގެ ދެ އަތް މޮހާލާފައި ދެ ފައި ވެސް މޮހާލައިފިއެވެ. އެއަށްފަހު ޝަނޫރާގެ މޫނަށް ބަލައިލާފައި ހިނިތުންވެލިއެވެ.
“ހާދަ ގޮތަކަށް ތި ބަލަނީ. ކިހިނެއްވީ؟ ކީކޭ ހިތަށް އަރަނީ؟
ރިޟުވާނުގެ އެ ސުވާލަކަށް ޝަނޫރާ ޖަވާބެއް ނުދެއެވެ. ދޭނެ ޖަވާބެއް ނެތީއެވެ. ޖަވާބެއް ނޭނގުނީއެވެ. ހަގީގަތަށް ބުނެފިއްޔާ ރިޟުވާނުގެ ރުޅި ހައްދުން ނައްޓަފާނެއެވެ.
“އަދިވެސް ބިރުންތަ ތި އިންނަނީ؟”
ޝަނޫރާއަށް ބޯ ޖަހައިލެވުނެވެ. އެ ވަގުތު އޭނާގެ ދެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އެއީ ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުގެ ނަތީޖާއެވެ. މި މަންޒަރު ބަލަން ހިނިއައިސްފައި އިން ރިޟުވާނު މަޑުމަޑުން ޝަނޫރާގެ ގާތުގައި އޮށޯވެލިއެވެ. އެ ވަގުތު ޝަނޫރާގެ ނޭފަތުގައި ޖެހުނީ ވަރަށް ނުބައި ވަހެކެވެ. އެހެންޏާ ދުވަހަކު ވެސް ނުދޮވާ ކަހަލަ ނުބައި ވަހެކެވެ. އެއީ ރިޟުވާނުގެ ގައިން ދުވި ވަހެކެވެ. އެހެންނަމަވެސް އިރުކޮޅަކުން އެ ވަސް ކެނޑިއްޖެއެވެ.
ޝަނޫރާއާ ދިމާއަށް އިރުކޮޅަކު ބަލަން އޮވެފައި ޝަނޫރާގެ ގައިގައި ރިޟުވާނު ބައްދައިލިއެވެ. ރިޟުވާނުގެ މަގުސަދަކީ ކޮބައިކަން ޝަނޫރާއަށް އެނގިއްޖެއެވެ. އޭނާގެ އަމަލުތައް މިސްރާބުހިފި އެ ދިމާއަށެވެ. ޝަނޫރާ ދެ ލޯ މަރައި ފިއްތާލިއެވެ. ރިޟުވާނުގެ އަމަލުތައް ފުންވަމުން ދިޔައިރު، ޝަނޫރާ ހީވަނީ މައްތިޔެއް ހެންނެވެ.
ޝަނޫރާއަށް ހޭލެވުނީ ހޫނުވެގެންނެވެ. ދާ ހިއްލައިގެންނެވެ. ލޯ ހުޅުވައިލުމާ އެކު ފެނުނީ، ގޭތެރެއަށް އިރުގެ އަލި އެޅިފައިވާ ތަނެވެ. ގޭގެ އިރުމަތީ ފަރާތު ބިތުގައި ހުރި ކުދިކުދި ލޯވަޅުތަކުން، ގޭތެރެއަށް ވަދެފައިވާ ކޮކާ އަވިކޮޅުތަކެވެ. އާ ދުވަހަކަށް އިރު އެރީއެވެ. އަނިޔާވެރި ހިތްދަތި ރެއެއް، އޭނާގެ ހަޔާތާ އަލްވަދާޢުކީއެވެ. އެ ފަދަ އެހެން ދުވަހެއް ތަޖުރިބާކުރަން ޖައްސާފައި، އެ ރޭ އޭނާއާ ވަކިވެ ދިޔައީއެވެ.
ޝަނޫރާ މަޑުމަޑުން ތެދުވިއެވެ. ސަތަރިގަނޑު މަތީގައި އިނދެ، އެ ޖިފުޓިގަނޑަށް ނަޒަރު ހިންގައިލިއެވެ. އެ ތަނުގައި އޭނާ ފިޔަވައި އިތުރު މީހަކު ނެތެވެ. ރިޟުވާނު ތެދުވެގެން ދިޔަ އިރެއް ވެސް، ޝަނޫރާއަކަށް ނޭނގެއެވެ. އަތްފައި މޮހާލާފައި ހުރި ނަމަވެސް، ޝަނޫރާގެ ހަށިގަނޑަކު ތެދުވާހައި ހިތްވަރެއް ނެތެވެ.
ޝަނޫރާގެ ޚިޔާލަށް އައީ އޭނާގެ މާޒީގެ ދުވަސްތަކެވެ. މަންމަގެ ހިޔާވަހިކަމުގައި އުޅެލަން ލިބުނު މަދު ދުވަސްކޮޅުގެ ފޮނިކަމެވެ. މަރީނާއްތަގެ ބެލުމުގެ ދަށުގައި ހޭދަކުރި ދުވަސްތަކުގެ ހިތިކަމެވެ. ސާމީއާ ރައްޓެހިވެގެން އުޅުނު ދުވަސްކޮޅު އިހުސާސްކުރި ލޯބީގެ ފޮނިކަމެވެ. ސާމީ ބޭރަށް ކިޔަވަން ގޮސް ކުރި ކައިވެނީގެ ޚަބަރުގެ ހިތިކަމެވެ. މާޒީގެ ހިތިފޮނި ހަނދާންތަކާ އެކު، ޝަނޫރާގެ ދެ ލޯ ތެމޭންފަށައިފިއެވެ. ހިތަށް އަރަމުން ދިޔައެވެ. މި ކައިވެނި ނުކުރެވުނު ނަމައެވެ. ރިޟުވާނާ ވައި ނޭޅެވުނު ނަމައެވެ. މަރީނައްތަ ގާތުގައި އެ އުޅުނު ގޮތަށް އުޅެވުނު ނަމައެވެ. މި އަނިޔާވެރިކަމާ ކުރިމަތިލާކަށް ނުޖެހުނީހެވެ. ޝަނޫރާއަށް ރޮވިއްޖެއެވެ.
އިރުކޮޅަކުން ރިޟުވާނު އައިސް ގެއަށް ވަދެއްޖެއެވެ. އޭނާއަށް ފުރަތަމަ ވެސް ފެނުނީ ޝަނޫރާގެ ދެ ލޮލުން އޮހެމުން ދާ ކަރުނައެވެ.
“ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟” ރިޟުވާނު އަވަސްއަވަހަށް އެހިއެވެ. ކަންބޮޑުވެފައިވާ ރާގަކަށެވެ.
“އަހަރެން ރަށަށް ގެންދޭ!” ޝަނޫރާގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.
“ކީއްކުރަން؟ މި ރަށް މާ އަރާމެއްނު! ކިހައި މިނިވަން! ކިހައި ހިތްފަސޭހަ! ރަށަށް ދާނެކަމެއް ނެތް! އަހަރެމެން ދެ މީހުން މި ރަށުގައި ލޯބިން އުޅޭނީ ދޯ! އެއްވެސް މީހަކަށް އަހަރެމެންގެ ލޯތްބަކަށް ދެނެއް ހުރަހެއް ނޭޅޭނެ! އަންނާނަން ކައިއެއްޗެއް ހިފައިގެން.” އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ރިޟުވާނު ނިކުމެގެން ހިނގައްޖެއެވެ.
ރިޟުވާނު ވާހަކަ ދައްކަމުން ގެންދިޔަ އިރު، ޝަނޫރާއަށް ކަމެއް ފާހަގަ ކުރެވުނެވެ. އޭނާ މީގެ ކުރިން ވާހަކަ ދައްކާ އިރު އެއްގޮތަކަށް ވެސް “އަހަރެން” ކިޔައިގެން ވާހަކަ ދައްކައެއް ނޫޅެއެވެ. މުޅިން ވެސް ކިޔާނީ “ރިޟޭ” އެވެ. އެކަމަކު މިހާރު އެ ކިޔަނީ އަހަރެންނެވެ. އުޅުން ވެސް ބަދަލުވެ، ބަސްމަގު ބަދަލުވަނީއެވެ. ދެން ބަދަލުވާނީ ކޮންކަމެއްބާވައެވެ؟
ޝަނޫރާގެ ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ގިނަވަމުން ގޮސް ބަންޑުންވެއްޖެއެވެ. އޭނާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ. އެ ގޮތުގައި ފަނަރަ ވަރަކަށް މިނެޓް ހޭދަވި ފަހުން، ރިޟުވާނު އެނބުރި އަތުވެއްޖެއެވެ. އޭނާ ގެއަށް ވަނުމާ އެކު، ގޭތެރޭގައި ފަރުމަސް ވަސް ހިފިއެވެ. ޝަނޫރާ ބަލައިލި އިރު، އޭނާގެ އަތުގައި ކުރުމުށެއް ހުންނަވަރުގެ ރޯ މަހެއް އޮތެވެ. ޝަނޫރާއަށް އެއީ ކޮން ކަހަލަ މަހެއްކަން ނޭނގުނަސް، އެއީ ލަނޑައެކެވެ.
“އަވަހަށް ހިނގާ ކާން.” ހިނިއައިސްފައި ހުރެ، އެ މަހަށް ރިޟުވާނު އިޝާރާތްކޮށްލިއެވެ.
ވިންދުޖަހަމުން ދިޔަ އެ ލަނޑައަށް ބަލައިލެވުމާ އެކު، ޝަނޫރާގެ ހިތަށް ވެރިވީ ހިތްދަތި އިހުސާސްތަކެކެވެ. ލޯބިވާ ފިރިމީހާ އޭނާއަށް ކާންދޭން އެ ގެނައީ ރޯ މަހެކެވެ. މީ ކޮން ކަހަލަ ދުނިޔެއެއްބާވައެވެ؟
“ދެން ތެދުވޭ! އަބަދު ރޯކަށް ނުވާނެ! އަހަރެން ޝަނޫއަކަށް ދެރަ ގޮތެއް ނަހަދާނަމޭ!”
ދެރަ ގޮތެއް ހެދެނީ ކިހައި ވަރެއް ކުރެވުނީމާހެއްޔެވެ؟ ފުރާނައާ ހަށިގަނޑާ ދެ ތަން ކުރެވުނީމާހެއްޔެވެ؟ މީހުންނާ އެކަހެރިކޮށްފައި، ފަޅު ރަށެއްގައި ބޭންދުމަކީ ކުޑަ އަނިޔާއެއްހެއްޔެވެ؟ މިއަދު ކާން އެ ގެނައީ ރޯ މަހެކެވެ. ޝަނޫރާއަށް ބާރަށް ރޮއިގަނެވުނެވެ.
“ޝަނޫ! ދެން ނުރޮއި ހިނގާ ކާން!”
“ތީ ރޯމަހެއްނު! މީރު ކައިޗެއް ހިފައިގެން އަންނާނަމޭ ބުނެފައި، ރޭ ގޮސް ގެނައި ކާއެއްޗަކީ ތީތަ؟” ޝަނޫރާއަށް ވާހަކަ ދެއްކުނީ ގިސްލަމުންނެވެ. ނުރުހުމާ ވެސް އެކުގައެވެ.
ޝަނޫރާގެ އެ ވާހަކައާ އެކު، ރިޟުވާނު ބަލައިލީ އަތުގައި އޮތް ލަނޑައަށެވެ.
“ކައްކާފައި ހުރި އެއްޗެއް ގެނެސްގެން ނުކެވުނީމަ، ނުކައްކާ ހުރި އެއްޗެއް މި ގެނައީ.” ރިޟުވާނުގެ އަޑުގައި ހުރީ ސީރިޔަސްކަމެވެ.
ރިޟުވާނުގެ އެ ޖުމުލައާ އެކު ޝަނޫރާއަށް ދެ ލޯ މަރައިލެވުނެވެ. ހިތްދަތިކަމާ އެކުގައެވެ. ރިޟުވާނަށް މި މަންޒަރު ފެނުނެވެ. އޭނާ އިރުކޮޅަކު ވިސްނައިލަން ހުރެފައި، މަޑުމަޑުން ދެ ފަހަރަކު ބޯ ޖަހައިލިއެވެ. އޭނާގެ ހަނދާނަށް ކޮންމެވެސް ކަމެއް އަތުވެއްޖެއެވެ.
“އާނ! އެއް އެއްޗެހި ދޯ! އަންނާނަން ހިފައިގެން.” އެނބުރި އައި ކޮޅަށް، ވަރަށް ބާރަށް ރިޟުވާނު ހިނގައިގެންފިއެވެ.
ޝަނޫރާއަށް އިނދެވުނީ ފާޑަކަށް ބަލާށެވެ. ޝައްކުގެ ނަޒަރަކުން ބަލާން އިން ކަހަލައެވެ. އޭނާ ހުއްޓުން އަރާފައި އެހެން އިންދާ، ރިޟުވާ އައިސް ވަދެއްޖެއެވެ. އޭރު އޭނާގެ އަތުގައި ތެޔޮ އުނދުނަކާއި ބައެއް އެހެން ސާމާނު ހުއްޓެވެ.
“މި އައީ އެ އެއްޗެހި ހިފައިގެން. އަވަހަށް ތެދުވޭ ކާން.” ރިޟުވާނު މިހާރު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
ޝަނޫރާ ތެދުވެ ރިޟުވާނު ގެނައި އެއްޗެހި ބަލައިލިއެވެ. އޭގައި ހުރީ ފުށާއި ހަނޑުމާއި ހަކުރާއި ފިޔާ މިރުސް ފަދަ އެއްޗެހިގެ އިތުރުން ދެތިން ޕެކެޓް ނޫޑުލީހެވެ.
“އަދި ޖެހޭނީ ކައްކަން ދޯ!” ރިޟުވާނުގެ މޫނަށް ޝަނޫރާ ބަލައިލިއެވެ. “ރިޟުވާން! އަޅެ ހިނގާ ދެން ރަށަށް ދާން! ކިހިނެއް ފަޅުރަށެއްގަ މިހެން އުޅޭނީ؟”
“ކީއްކުރަން؟ ކޯއްޗެއް މަދީ މި ރަށުގަ. މި ރަށް މާ ރަނގަޅެއްނު. އަހަރެމެން ދެ މީހުންނަށް ކިހާ ހަމަޖެހިލަގެން މިރަށުގަ އުޅެވޭނެ. ދެން އަވަހަށް ކައްކަން އުޅޭ! އޭރުންނެއްނު ކެވޭނީ.” ޝަނޫރާ އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ރިޟުވާނު ބޭރަށް ނިކުތެވެ.
“މަދީ ކޮން އެއްޗެއްހޭ އަހައި އިރު އަހަންނަށް މިހާރު ފެން ވެސް ވަރައިނުލެވޭ.” ޝަނޫރާގެ އެ ޖުމުލަ ރިޟުވާނަށް އިވުނުހެން ވެސް ހީނުވެއެވެ.
މެންދުރު ކުރީގެ ވަގުތެވެ. ބަދިގެ ދޮށުގައި ހައްވައާއި ސައީދު ތިއްބެވެ. ދެ މީހުންގެ މޫނުމަތިން ވެސް ފެންނާން ހުރީ ސީރިޔަސްކަމެވެ. ހައްވަ ބުނި އެއްޗަކާ މެދު ވިސްނާން ހުރި ކަހަލަ ގޮތަކަށް ސައީދު ހުއްޓެވެ.
“އެކަމަކު ތީ އަޖައިބެއް. ތަޅުލާފަ ހުރި ބަދިގެއަކުން ތި ހުރިހައި އެއްޗެހި ގެއްލެންވީ ކީއްވެ؟ ގައިމު ތަޅު ވެސް ހަލާކުކޮށްލާފައެއް ނެތް ވިއްޔަ.”
“އުނދުން ނެތް ތާނގަ ކާޑުއަޅާފަ ހުރި ތިން ޓައްޕުން ކުރެ ޓައްޕެއް ވެސް ނެތޭ.” ހައްވަ ހުރީ ފިކުރު ބޮޑުވެފައެވެ.
“ރިޟުވާނު ރޭ މި ރަށަށް އައިތަ؟” އިރުކޮޅަކު ވިސްނައިލަން ހުރެފައި ސައީދު އަހައިލިއެވެ.
“ނާދޭ! އެހެންނޫނަސް އޭނަ އައިސް އެ އެއްޗިއްސެއް ނުގެންދާނެއެއްނު.”
“އޭނައަށް ގުޅައިލާނަން!” ޖީބުގައި އޮތް ފޯނު ނަގައި، ވަރަށް ފަރިތަކަމާ އެކު ރިޟުވާނުގެ ނަންބަރަށް ސައީދު ގުޅައިލިއެވެ. ކަންފަތުގައި ފޯނު ޖައްސާލުމަށްފަހު މަޑުކޮށްލިއެވެ.
“ފޯނު ނިވާލާފަ އޮތީ.” ދެވަނަ ފަހަރަށް ވެސް ސައީދު ގުޅައިލިއެވެ. ބުނީ ނިވާލާފައި އޮތް ކަމަށެވެ.
“އިއްޔެ މަށަށް ގުޅި. އެކަމަކު ކިޔާކިޔާ ޝަނޫރާ އަތަކަށް ފޯނެއް ނުދިން.”
ޝަނޫރާ ކެއްކީ ނޫޑުލީހެވެ. ފަސޭހައިން ކެއްކޭ އެއްޗެއް ކެއްކީއެވެ. ކައްކާ ނިންމާފައި ދެ ތަށްޓަށް އެޅިއެވެ. އޭރު ވެސް އޭނާގެ ދެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. ހިތަށް ކުރަމުން ދާ އަސަރަކަށް ބަދަލެއް ނާދެއެވެ.
ޝަނޫރާގެ ހަރަކާތްތަކަށް ބަލަން ތަންކޮޅެއް ދުރުގައި ރިޟުވާނު އިނެވެ. ޝަނޫރާ ދެ ތަށްޓަށް ނޫޑުލިސް އަޅައިގެން ރިޟުވާނާ ދިމާއަށް ހިނގައިގަތެވެ.
“ކައި ނިމިގެން ރަށަށް ދާނީ ދޯ! މި ރަށަކު އަބަދަކު ނޫޅެވޭނެއެއްނު!” ރިޟުވާނު ގާތު އެއް ތަށި ބަހައްޓަމުން ވަރަށް ގާތް ގޮތަކަށް ޝަނޫރާ ބުންޏެވެ. އޭނާ ބޭނުންވަނީ ރިޟުވާނު ރުއްސައިގެން ވެސް ރަށަށް ދެވޭގޮތްވޭތޯ ބަލާށެވެ.
“ޝަނޫ އަވަހަށް ކާންފަށާ! މަ އެބަ އަންނަން އަތިރިމައްޗަށް ގޮސްލައިފަ.” ރިޟުވާނު އެ އިންތަނުން ތެދުވިއެވެ. އޭނާއަށް ޝަނޫރާ ބުނި ޖުމުލަ އިވުނުހެން ވެސް ހީނުވެއެވެ.
އަވަސް އަވަހަށް ރިޟުވާނު ހިނގައިގަތެވެ. ޝަނޫރާއަށް ހުރެވުނީ ހުއްޓުން އަރާފައި އެ ދިމާއަށް ބަލާށެވެ. އެހެން ހުއްޓާ އޭނާގެ ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ.
އިރު އޮއްސިއްޖެއެވެ. އާރެއަކާ އަނެއްކާ އަނެއްކާ ވެސް ކުރިމަތިވީއެވެ. ޝަނޫރާއަށް ވޭތިކުރަން ޖެހިފައި މި ވަނީ ވަރަށް ފޫހި، އެކަނިވެރި، ނާމާން ދިރިއުޅުމެކެވެ. އިރު އޮއްސި އަނދިރިވުމުން އޭނާ ގޭތެރޭގައި އޮތް ސަތަރިގަނޑު މަތީގައި ޖައްސާލިއެވެ. ނިދޭތޯއެވެ. ހިތަށް ހެރެމުން ދިޔަ ކަށިތައް ކިތަންމެ ގިނަޔަސް، އަޅާ ވޭން ހިތަންމެ ފުނަސް، އޭނާ ބޭނުންވީ ނިދޭތޯ ބަލާށެވެ.
އިރުކޮޅަކުން ރިޟުވާނު އައިސް އޭނާގެ ގާތުގައި ޖައްސާލައިފިއެވެ. އިރުކޮޅަކުން ރިޟުވާނު ނިދައިފިއެވެ. ޝަނޫރާއަކަށް ނުނިދެއެވެ. ރިޟުވާނަށް ނިދިއްޖެކަން އެނގުމުން، އޭނާ ވެސް ދެ ލޯ މަރާލިއެވެ. މި ގޮތުގައި މާ ގިނަ އިރެއް ނުވެއެވެ. ރިޟުވާނު ލޯ ހުޅުވާލައިފިއެވެ. ވަރަށް ސިއްރުސިއްރުން ބޯ ހިއްލާލައި ޝަނޫރާގެ މޫނަށް ބަލާލައިފިއެވެ. ޝަނޫރާގެ ދެ ލޯ ވަނީ މެރިފައެވެ. ރިޟުވާނު އިރުކޮޅަކު ބަލަން އިނދެފައި، މަޑުމަޑުން ތެދުވެއްޖެއެވެ. ފިޔަވަޅުގެ އަޑު ވެސް ނީވޭހައި މަޑުމަޑުން ހިނގެންފިއެވެ. ގެއިން ނިކުތުމަށެވެ.
ދޮރު ހުޅުވި އަޑަށް ޝަނޫރާއަށް ލޯ ހުޅުވައިލެވުނެވެ. އޭރު ރިޟުވާނު ނިކުމެގެން ދަނީއެވެ. މި މަންޒަރު ފެނިފައި ޝަނޫރާއަށް ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް ގޮސް ބޭރު ބަލައިލިއެވެ. ބޭރުގައި ރަސްކަން ކުރަނީ އަނދިރިކަމާއި ހަމަހިމޭންކަމެވެ. ފުއްޓަރަށް މުގުރާ ރާޅުގެ އަޑު ދުރުން އިވެއެވެ. ދެން އިވެނީ ފަނިފަކުސާގެ ހުއްޓުމެއް ނެތް ގޮވުމުގެ އަޑެވެ. ރިޟުވާނުގެ ހިޔަނި ވެސް ފެންނާކަށް ނެތެވެ.
ޝަނޫރާގެ ހިތް ތެޅެމުންދެއެވެ. އެހެންނަމަވެސް އޭނާއަށް ފިޔަވަޅު އެޅުނީ ކުރިއަށެވެ. ނިކުމެވުނީ ބޭރަށެވެ. ބޭނުންވަނީ ރިޟުވާނު ދާ ތަނެއް ބެލާށެވެ. ކުރާ ކަމެއް ބެލާށެވެ.
ގެއިން ނިކުމެގެން ދިހަވަރަކަށް ފޫޓަށް ޝަނޫރާއަށް ހިނގުނެވެ. އޭނާގެ ލޮލަކު ރިޟުވާނު އަޅައެއް ނުގަތެވެ. އަނެއްކޮޅުން މި އަނދިރި ނާމާންކަމުގެ ތެރޭގައި އޭނާގެ ހިތަށް ބިރުވެރި ވަސްވާސްތައް ވަންނާން ފަށައިފިއެވެ. ފަޅުރަށެއްގެ ވަލުތެރޭގައި ރޭގަނޑު އެކަނިމާ އެކަނި އުޅޭން ހަދައިގެން ކޮންމެ ފަދަ ކަމަކާ ވެސް ދިމާވެދާނެއެވެ. ވަށައިގެން އޮތީ ގަސްތަކެވެ. އަނދިރިކަމެވެ. ބިރުވެރިކަމެވެ.
ވަށައިގެން ފެންނާން އޮތް މަންޒަރާއި ރިޟުވާނާ މެދު ކުރެވޭން ފެށި ޝައްކެއްގެ ސަބަބުން ޝަނޫރާގެ ހިތް ވަސްވާސްތަކުން ފުރިއްޖެއެވެ. ހިތަށް ވަން ބިރުވެރިކަމެއްގެ ބޮޑުކަމުން އޭނާއަށް ހިނގައިގަނެވުނީ އެނބުރި އައި ކޮޅަށެވެ. ގެއާ ދިމާއަށެވެ. ހަލުއި ފިޔަވަޅުތަކެއްގައި އައިސް ގެއަށް ވަދެވުމާ އެކު ދޮރު ލައްޕައިފިއެވެ. އޭރު އޭނާގެ ހިތުގެ ތެޅުން ވަނީ ވަރަށް ބޮޑަށް ހަލުއިވެފައެވެ. އިރުކޮޅަކު އެހެން ހުރެފައި، މަޑުމަޑުން ހިނގައިގަނެވުނީ ސަތަރިގަނޑާ ދިމާއަށެވެ. ސަތަރިގަނޑު މަތީގައި އޮށޯތް އިރު ވެސް، އޭނާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަމަކަށް ބަދަލެއް ނާދެއެވެ.
ޝަނޫރާ ބޭނުންވަނީ ނިދާށެވެ. އެހެންނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ހިތް ބިރުގަންނަނީއެވެ. ހިތަށް ވަންނަ ބިރުވެރި ވަސްވާސްތައް އިތުރުވަނީއެވެ. އެހެންކަމުން ލޯ މަރައިލާން ވެސް އޭނާއަށް ނުކެރެއެވެ. އެ ގޮތުގައި އޮންނަތާ ބައިގަޑިއެއްހައި އިރު ފަހުން ރިޟުވާނު އައިސް ވަދެއްޖެއެވެ.
ރިޟުވާނު އައިސް ވަނުމާ އެކު ޝަނޫރާ އަވަސްއަވަހަށް ދެ ލޯ މަރައި ފިއްތާލިއެވެ. އޭނާ އޮތީ ހޭލައި ނޫންކަން ރިޟުވާނަށް އަންގާން ބޭނުންވެގެންނެވެ. އެހެން އޮތް އިރު، ރިޟުވާނުގެ ފިޔަވަޅުގެ އަޑު އޭނާއަށް އިވެއެވެ. މަޑުމަޑުން ގާތަށް އަންނަކަން އެނގެއެވެ. އިރުކޮޅަކުން ރިޟުވާނު އައިސް ޝަނޫރާގެ ގާތުގައި ޖައްސާލައިފިއެވެ. ވަރަށް ލޯބިން ކަހަލަ ގޮތަކަށް ޝަނޫރާގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު އޭނާގެ ނޭފަތުގައި ޖެހުނީ ނުބައި ކުނި ވަހެކެވެ. ވަސް ޖެހުމާ އެކު، އޭނާއަށް ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް ދުރަށް ޖެހިލެވުނެވެ.
“ކީއްވެ ތި ދުރަށް ދަނީ؟ އައިސްބަލަ މިކޮޅަށް!” ރިޟުވާނުގެ އަޑުގައި ހުރީ މަސްތީ ރާގެކެވެ.
“ކޮންތާކުން ތި އައީ؟ ހާދަ ނުބައި ވަހެއް އެބަ ދުވައޭ.” ޝަނޫރާއަށް އޯކާދެމެން ފެށުނެވެ.
“މިހާރު މަ ކައިރިވީމަ ފަކުރު ވެސް ގަންނަނީ ދޯ! ދެން ކޮން ލޯތްބެއް ތި ވަނީ؟” ރިޟުވާނުގެ އަޑުގައި ހުރީ ނުރުހުމެވެ.
“ކޮންތާކުންތަ ތި އައީ؟”
“ހޫނުވާތީ މި ތާ ހޭޅިފަށުގައި ވައި ޖައްސާލަން އިނީ.”
“އެކަމަކު ކޮން ކުނި ވަހެއްތަ އެ ދޮވަނީ؟”
“ނޭނގެ! މަށަކަށް ނުދޮވާ.”
ރިޟުވާނުގެ އަޑުގައި ހުރި ނުރުހުމުގެ ރާގުން އިތުރަށް އެއްޗެއް ބުނާކަށް ޝަނޫރާއަކަށް ނުކެރުނެވެ.
ޖެހިގެން އައި ދުވަހެވެ. ހެނދުނު ތެދުވެގެން ދިޔަ ގޮތަށް ރިޟުވާނެއް އަދި ގެއަކަށް ނާދެއެވެ. ދިޔަ ތަނެއް ނޭނގެއެވެ. ޝަނޫރާ ގޭތެރޭގައި އޮވެފައި، މެންދުރުވުމުން ތެދުވެ ކައިއެއްޗެއް ހެދިއެވެ. ބަނޑުހައިވެގެންނެވެ. ކައްކައިގެން ކާން އުޅެނިކޮށް، ރިޟުވާނު އައިސް ވަދެއްޖެއެވެ.
“ކާންވީނު!”
“މިހާރަކު ނުކާނަން. މި އުޅެނީ ރަށަށް ޖައްސާލަންކަމަށް.”
“މަ ވެސް ގެންދައްޗޭ!” ޝަނޫރާއަށް ފުންމައިގެން ތެދުވެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާގެ އަޑުގައި ހުރީ އާދޭހުގެ ރާގެވެ.
“އަޅެ ކިތައް ދުވަހު ބުނާނީ ޝަނޫ ދެން އުޅޭނީ މި ރަށުގައޭ.”
“ގޮސްލާފަ އަންނާނީއޭ!” ޝަނޫރާގެ ދެ ލޮލުން ކަރުނަ ހިލުނެވެ.
“ކަންބޮޑުނުވޭ! އިރުއޮއްސުމުގެ ކުރިން އަހަރެން އަންނާނަމޭ.” ރިޟުވާނު ހިނިތުންވެލަމުން ދެ ލޯ ބޮޑުކޮށްލިއެވެ. އެ މަންޒަރު ފެނިފައި ޝަނޫރާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. ރިޟުވާނު ކުރިއަށް ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް ޝަނޫރާގެ ލޯމަތިން އޮބާލައިފިއެވެ.
ރިޟުވާނު ދިޔުމާ އެކު ޝަނޫރާއަށް ރޮވިއްޖެއެވެ. އެ ހުރި ތަނަށް ތިރިވެއްޖެއެވެ. ކަކުލު ހުޅުން ވާގިދޫވީއެވެ. ކޮޅަށް ހުންނަހައި ވަރު ނެތުނީއެވެ.
އިރު މެދުން ލަނބާލައިފިއެވެ. ރަށު އުތުރު ފަރާތު ހޭޅިފަށުން ނިކުމެގެން، ރިޟުވާނު ހިނގައިގަތީ މޫދާ ދިމާއަށެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް އެރުނީ މޫދަށެވެ. ޑިންގީ އޮތް ދިމާއިންނެވެ. އުނަގަނޑުތާ ފެނަށް އެރިފައި، އޭނާ ފީނައިގަތެވެ. އެއް މިނެޓް ދެ މިނެޓަށްވެ ތިން މިނެޓް ވެސް ހިނގައިފިއެވެ. ރިޟުވާނެއް މައްޗަކަށް ނާރައެވެ. އިރުކޮޅަކުން ފެނުނީ ރިޟުވާނުގެ ޑިންގީ މަޑުމަޑުން އަޑިޔަށް ދާންފެށިތަނެވެ. އެ ދިޔަ ގޮތަށް ގޮސް ދެ ފަރާތުން ފެންއަރާން ފަށައިފިއެވެ. ފެތިއްޖެއެވެ. އަޑިއަށް ގޮސް ލޯމަތިން ގެއްލިއްޖެއެވެ.
އަސުރުން އިރު ތިރިވެއްޖެއެވެ. ރިޟުވާނުގެ އިންތިޒާރުގައި ރޮއިލަރޮއިލައި ޝަނޫރާ އޮތެވެ. އެހެން އޮވެފައި އެންމެ ފަހުން އޭނާ ތެދުވެއްޖެއެވެ. ދެ ލޯ ފޮހެލަމުން ހިނގައިގަތީ ގެއިން ނިކުތުމަށެވެ. ފުޅަލިގަނޑު އެއް ފަރާތްކޮށްލުމަށް ފަހު، އޭނާ ބޭރަށް ނިކުމެއްޖެއެވެ. އޭރު ވަނީ އިރުގެ ހޫނުކަން، ހަވީރުގެ ފިންޏަށް ތަންދީފައެވެ.
ޝަނޫރާ ބޭނުންވީ ގެއިން ނިކުމެލާށެވެ. ހިނގައިލާށެވެ. އަތިރިމައްޗަށް ފައިބައި ޖައްވުގެ ސާފުވައި ލިބިގަންނާށެވެ. މޫދުގެ ރާޅުތަކުގެ ހަރަކާތްތައް ދެކެލާށެވެ. ހިތަށް ފިނިކަމެއް ލިބޭތޯއެވެ. މެޔަށް ލުއިކަމެއް ފޯރާތޯއެވެ.
ޝަނޫރާ ހިނގައިގަތެވެ. ރަށުގެ ދެކުނު ފަރާތަށެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އަތިރި މައްޗަށް ފައިބައިފިއެވެ. އޭނާއަށް ފުރަތަމަ ވެސް ނަޒަރު ހުއްޓާލެވުނީ ރަށުގެ ހުޅަނގު ކޮޅަށެވެ. އޮއްސުމަށް ފަރިކުރަމުން ދާ އިރަށެވެ. އޭރު ޖައްވުގައި ނަންހުސްކޮށް އެކި ކުލަކުލައިން ފެވެމުންދެއެވެ. ކަނޑުގެ ލޮނުގަނޑުގައި އުފެދިފައި ހުރި ކުދިކުދި ރާޅުތައް ވެސް، އެ ކުލަތަކުން ފޭރާންލާން ފަށައިފިއެވެ. ގައިގައި ބީހޭންފެށި ފިނި ވައިރޯޅިއާއި ފެންނާން ފެށި ހިތް ފަސޭހަ މަންޒަރުގެ ސަބަބުން، މުޅި އުމުރު އެ ފިޔަވަޅުމަތީގައި، އެ ގޮތުގައި، ހުސްކޮށްލާން ޝަނޫރާ ބޭނުންވި ކަހަލައެވެ.
އެ ފިޔަވަޅުގެ މައްޗަށް ޝަނޫރާ ދޫކޮށްލައިފައި، ރަށުގެ އުތުރު ފަރާތަށް ޖެހިލުމުން ފެންނާންފެށީ މުޅިން ތަފާތު މަންޒަރެކެވެ. އެ ރަށާ ދިމާއަށް ފަލިޖަހާފައި އަންނަ ބޮއްކުރައެކެވެ. އޭގައި ދެ މީހަކު އެބަ ތިއްބެއެވެ. ބޮއްކުރާ އައި ގޮތަށް އައިސް އެ ރަށަށް ލަފައިފިއެވެ. ބޮއްކުރާ އަޅާފައި ދެ މީހުން ފައިބައިފިއެވެ. ޒުވާން ފުރައިގެ ދެ މީހުންނެވެ. ކޮންމެ މީހަކު ވެސް ހުރީ ސޯޓަކާއި ޓީޝާޓެއް ލައިގެންނެވެ. އެކަކު އަތުގައި ޓޯޗެއް އޮތެވެ. އަނެއް މީހާ އަތުގައި އޮތީ، އެއްޗެހިތަކެއް އަޅާފައި ހުރި، އެތެރެ ނުފެންނަ ނޫކުލައިގެ ކޮތަޅެކެވެ. ދެ މީހުން ރަށަށް އަރައި ހޭޅިފަށުގައި ޖައްސާލައިފިއެވެ. ކޮންމެވެސް ވާހަކަތަކެއް ދައްކަމުންނެވެ.
“އޭތް! އައްޔާ! ގަޑިން ކިހައި އިރެއް؟”
“ސަބަހޭ ކަމާލޫ! މީސްމީހުން ގާތުގައި ތިހެން އާދޭސްނުކޮށް ގަޑިއެއް ގަނެބަލަ!” ކަމާލާ ދިމާކޮށްލުމުގެ ގޮތުން އައްޔަ ބުނެލިއެވެ. އެ ބުނެލުމުގައި ހުރީ ސަމާސާ ރާގެކެވެ.
“ދެން ބުނެބަލަ!”
“ފަސްގަޑިބައިވަނީ.”
“މާ އަވަހަށް ދޯ މި އާދެވުނީ؟” ޖީބުން ސިގިރެޓް ފޮށި ނަގައި ސިގިރެޓެއް ކަމާލު ރޯކޮށްލިއެވެ.
“ނޫނޭ! އަވަހެއް ނޫން! ތިނެއް ޖަހާއިރު ތިބެންޖެހޭނީ މި ރަށުގަ. އަދި ވެސް ތަންކޮޅެއް ލަހީ މަށަށް.”
“ހިތުން މަށަށް ޖެއްސުމަށް ދޯ ތި ވާހަކަ ދައްކަނީ؟” ސިގިރެޓް ދަމާލުމަށްފަހު ދުންތައް ޖައްވުގެ ތެރެއަށް ފޮނުވާލަމުން، އައްޔަގެ މޫނަށް ކަމާލު ބަލައިލީ ހިނިތުންވެލަމުންނެވެ.
“އާނ އެހެންޏަ! އަވަސްކުރާށޭ ކިޔާފަ ގުޅާވަރުން ދަބަސްގަނޑު ވެސް ބަހައްޓާފަ ވިއްޔަ މި އާދެވުނީ. ދުފަން ހޯދި ފޯއްކޮޅު ވެސް ވާނީ އޭގަ.”
“މާ ގިނަ އަނގަ ނުތަޅާ މިއިން އެއްޗެއް ރޯކޮށްލައިގެން ތިތާ ޖައްސާލަބަލަ!” ސިގިރެޓް ފޮށި އައްޔައާ ދިމާއަށް ކަމާލު ދިއްކޮށްލިއެވެ.
“ތި ކަމެއް ނުވާނެ!” ކަމާލު ދިއްކޮށްލި ސިގިރެޓް ފޮށި ދުރަށް ޖައްސައިލަމުން ހޭޅި ކައިރީގައި އައްޔަ އޮށޯތެވެ. “ދެން މިތާ ތިއްބާ ނިދިއްޖެއްޔާ ހުންނާނީ ހަތަރެސްކަން ހަމަވެފަ.”
“ދައްކާ ވާހަކަ!” ކަމާލު ޗޮކެއް ކަނޑައިލިއެވެ. “ކަމަކަށް މި ވަރަށް ގިލިއަޅާފައި ތިއްބާ ނިދޭނެހެން ހީވޭތަ؟” ކަމާލު ނެގީ ޖީބުގައި އޮތް ފޯނެވެ. ފެށީ ގޭމުކުޅޭށެވެ.
ކަމާލު ފޯނު ނެގިތަން ފެނިފައި އައްޔަ ވެސް ޖީބުގައި އަތް ޖައްސާލީ ފޯނު ނަގާށެވެ. އެހެންނަމަވެސް އޭނާގެ ޖީބަކު ފޯނެއް ނެތެވެ.
“ކަލޯ މަގޭ ފޯނު ކޮބާ؟” އައްޔަ ފުންމައިގެން ތެދުވިއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނާން ހުރީ ކަންބޮޑުވުމެވެ.
“އަނެއްކާ މޫދަށް ވެއްޓުނީތަ؟”
“ހަނދާން ވެއްޖެ! ފޯނު ވެސް އޮންނާނީ އެ ދަބަހުގަ. ކަންތަކާޖެހުނީއޭ. އާރިފާ ގުޅަން ވެސް ގުޅާނެ! އޭނަގާތު މި ރަށަށް އަންނަ ވާހަކަ ނުވެސް ބުނެ މި އާދެވުނީ.”
“ތީ ދެން ހާސްވާވަރުގެ ކަމެއްތަ؟ މި ފޯނުން ގުޅާފަ ބުނެލާނީ.”
އިރު އޮއްސޭން ކައިރިވުމުން ޝަނޫރާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެއްގަމަށް އެރޭނެ މަގެއް ހޯދަމުން ކުރިއަށް ދަނިކޮށް، ވަކި ހިސާބަކުން އޭނާގެ ލޮލުގައި އަޅައިގަތީ، ތަފާތު ގޮތަކަށް ހުރި ބޮޑެތި ފިޔަވަޅުތަކެކެވެ. އެއިން ކޮންމެ ފިޔަވަޅެއްގެ ބޮޑުމިނުގައި ދެ ފޫޓު ހުންނާނެއެވެ. ހުރީ ވަރަށް ފަތާކޮށް ހުރި ތިން އިނގިއްޔެވެ. ފައިތިލަ ހިމައެވެ. ހުރީ އެތެރެ ފަރާތަށް ލެނބިފައެވެ.
މި ފިޔަވަޅުތައް ފެނިފައި ޝަނޫރާގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ދެ ލޯ ބޮޑުވިއެވެ. ހިތް ތެޅިގަތެވެ. ގައިން ހީބިހި ނަގައިގަތެވެ. ފިޔަވަޅުތައް ގޮސްފައި ހުރި ދިމާއަށް އޭނާއަށް ބަލައިލެވުނެވެ. ހުރީ ވަކި ހިސާބަކަށް ގޮސްފައި ހޭޅިއަށް ވަދެފައެވެ. އިރުކޮޅަކު ބަލަން ހުރެފައި، އެ ދިމާއަށް އޭނާއަށް ހިނގައިގަނެވުނެވެ.
ޝަނޫރާ މަޑުމަޑުން ކުރިއަށް ދިޔައެވެ. އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް އެހެން ދިމާއަކަށް ކަސިޔާރެއް ނުވެއެވެ. އޭނާ އެދިޔަ ގޮތަށް ގޮސް، އެ ފިޔަވަޅުތައް ހޭޅިއަށް ވަދެފައިވާ ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. އެ ވަގުތު އެ ދިމާއިން އޭނާއަށް ފެނުނީ، ކުރީ ދުވަހު ރިޟުވާނު އޭނާއަށް ގެންގޮސްދިން ކަހަލަ މަސްތަކެކެވެ. ހަމަ އެ ވަރުގެ މަސްތަކެކެވެ. އާނއެކެވެ. އެ ތަނުގައި ހުރީ ހުސް ލަނޑައެވެ. ބައެއް ލަނޑާގެ ބޯ ކައިލައިފައެވެ. ބައެއް ލަނޑާގެ ބޮލާއެކު މަހުގެ ބައެއް ކައިލައިފައެވެ. ބައެއް ލަނޑާގެ ނިގޫކޮޅުން ބައެއް ކައިލައިފައެވެ. މިހާރު އެ މަސްތަކުގެ މައްޗަށް ވެރިވެފައި ވަނީ ބޮޑުމެއްސާއި ކުދިމެއްސެވެ. ކޮންމެވެސް ވަރަކަށް ކުނި ވަސް ވެސް އެބަ ދުވައެވެ.
ޝަނޫރާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. އިރުކޮޅަކު އެ މަސްތަކާ ދިމާއަށް ބަލަން ހުރެފައި، އަނެއްކާ ވެސް ޝަނޫރާއަށް ބަލައިލެވުނީ އެއްކަލަ ބިރުވެރި ފިޔަވަޅުތަކަށެވެ. އެ ވަގުތު ހިތަށް ވެރިވެގަތް ބިރުވެރި ޚިޔާލުތަކެއްގެ ސަބަބުން، ޝަނޫރާއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި އަވަސް އަވަހަށް އެނބުރި އައި ކޮޅަށް ދުއްވައިގަނެވުނެވެ.
“ކޮން އަޑެއް އެ އިވުނީ؟” ފޯނުން ގޭމަށް ގެއްލިފައި އިން ކަމާލު ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. އޭނާއަށް ފުރަތަމަ ވެސް ބަލައިލެވުނީ، އެ ތަނުގައި އޮތް އައްޔައަށެވެ. އޭރު އޭނާ އޮތީ ހަމަ ރަނގަޅަށް ނިދާފައެވެ.
“އޭ… އައްޔާ! އައްޔާ! މިހާރު ނިދީތަ؟ ހޭލަބަލަ!” ކަމާލުގެ އަޑުގައި ހުރީ ސީރިޔަސްކަމެވެ.
“ކިހިނެއްވީ؟ ދާންވީތަ؟” އައްޔަ ލޯ ހުޅުވައިލިއެވެ. އަޑުގައި ހުރީ ކަންނެތްކަމެވެ.
“ދެންމެ ވަރަށް އެހެން ކަހަލަ އަޑެއް އިވިއްޖެ!” ކަމާލަށް ހޭޅިއާ ދިމާއަށް ނަޒަރު ހިންގައިލެވުނެވެ.
“ކޮން އަޑެއް؟” ކަމާލުގެ މޫނުމަތިން ފެންނާން ހުރި ސީރިޔަސްކަން ފެނިފައި، އައްޔަ ތެދުވެ އިށީނނެވެ.
“މީހަކު ހަޅޭއްލަވައިގަތް އަޑު ކަހަލަ އަޑެއް.”
“ކާކު؟”
“ކިހިނެއް މަށަށް އެނގެނީ؟ އަންހެނެއްގެ އަޑާ ވައްތަރީ”
“ކީކޭ؟” އައްޔަގެ ދެ ލޯ ބޮޑުވިއެވެ. “އިރު އޮއްސެމުން އަންނަ ވަގުތު، ފަޅުރަށެއްގައި އިނދެ ތިކަހަލަ ސަމާސާ ނުކޮށްބަލަ!”
“ހުވާ ގަންދީ! މީ ސަމާސާއެއް ނޫނޭ! މަށަށް ހަމަ ރީތިކޮށް އިވުނު.”
ކަމާލުގެ އެ ޖުމުލަ ނިމުމާ އެކު އައްޔަ ފުންމައިގެން ތެދުވިއެވެ. އޭރު އައްޔަގެ މޫނުމަތިން ފެންނާން ހުރީ ބިރުގެންފައި ހުރި ކަމުގެ އަލާމާތްތަކެވެ.
“މަ ކުރިން ވެސް ބުނީމެއްނު މީ ނާމާން ރަށެކޭ! ކުރީ ދުވަހަކު ކާފަ މަގޭ ގާތުގައި ބުންޏޭ ރޭގަނޑު މި ރަށަށް އަންނާކަށް ނުވާނޭ! ހިނގާ އަވަހަށް ފުރަން އުޅެމާ!” އެ ތަނުގައި ހުރި ކޮތަޅު އައްޔަ އަތަށް ނެގިއެވެ.
“އޭތް މޮޔަނުވޭ! ނުވާނެ ތި ކަމެއް!” ކަމާލު ތެދުވެ ފޫމަތިން ވެލި ފޮޅައިލިއެވެ. “މީ އަހަރެމެން އަލަކަށް ކުރާ ކަމެއް ނޫނޭ! ކުރީ ރެއަކު ފަރީދުމެން އައިސް ވެސް ހާދަ ބިހެއް ނެގިއޭ.”
“ދެން ކޮން އަޑެއްގެ ވާހަކައެއް ތި ދައްކަނީ؟” ކޮތަޅު ހުރިތަނުގައި ބަހައްޓަމުން އައްޔަ ސުވާލު ކުރިއެވެ.
ކޮންމެވެސް ބަޔަކު މި ރަށުގައި އުޅެނީއޭ މަ ބުނާނީ. ހިނގާބަލަ މި ދިމާއިން އެއްގަމަށް އަރަން! އެއީ ކޮން ބައެއްތޯ ބަލަންވާނީ.”
ޓޯޗު ހިފައިގެން ކަމާލު ކުރިއަށް ހިނގައިގަތުމުން، އޭނާގެ ފަހަތުން އައްޔަ ވެސް ހިނގައިގަތެވެ. އެހެން ގޮތެއް ނެތުމުންނެވެ. އައްޔަ ބޭނުންވަނީ މިހާރުން މިހާރަށް ވެސް މި ރަށުން ފުރާށެވެ. އޭނާގެ ހިތުގައި ބިރުވެރިކަމާއި ނާމާންކަމުގެ ރަނގަބީލެއް ޖެހެމުން ދާތީއެވެ.
އިރު އޮއްސިއްޖެއެވެ. އަނދިރިކަން ރަށަށް ވެރިވާންފަށައިފިއެވެ. ކަމާލާއި އައްޔަ ވަލަށް ވަދެގެން އެ ދިޔަ ދިމާއަކަށް ހިނގައްޖެއެވެ. އިރުކޮޅަކުން ކުއްލިއަކަށް ފެނުނީ ރަށުގެ ތޮށްޓާ ހަމައިން މޫދުތެރެއިން މީހަކު ބޯ ހިއްލައިލިތަނެވެ. އެ މީހަކު ހިނގައިގަތީ ރަށާ ދިމާއަށެވެ. އެއައި ގޮތަށް އައިސް އެއްގަމަށް އަރައިފިއެވެ. އެއީ ރިޟުވާނެވެ. އޭނާ ހުރީ އާންމުކޮށް އޭނާ ލައިގެން އުޅޭ ސޯޓާއި ޓީޝާޓުގައެވެ.
ރިޟުވާނު އެއްގަމަށް އެރި އިރު، އޭނާގެ ގައިގައި ލޮނުގެ އަސަރެއް ނެތެވެ. ތެތްކަމެއް ނެތެވެ. ނުރުހިފައި ހުރި މޫނަކާ އެކު، އޭނާ ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ނަޒަރު ހިންގައިލުމަށް ފަހު، އެއްގަމަށް އެރުމަށް ޓަކައި ހިނގައިގެންފިއެވެ.
އަތިރިމަތިން ފެނުނު މަންޒަރުގެ ސަބަބުން ބިރުން ދުއްވައިގަތް ޝަނޫރާ، އެ އައި ގޮތަށް އައީ ގެއަށެވެ. އޭނާ ގެއަށް ވަންގޮތަށް ގޭ ދޮރު ރަނގަޅަށް ބަންދުކުރިއެވެ. ފުޅަލިގަނޑު ޖައްސާފައި އޭނާއަށް ބަނދެވޭ އެންމެ ބާރަށް ރޯނުން ބަނދެގެންނެވެ. އެއަށްފަހު ސަތަރިގަނޑުމަތީގައި ދެ ފައި ވަށްކޮށްލައިގެން އިނީ، ބިރުން ވިރިވިރިއެވެ. އެހެން އިން އިރު އޭނާގެ ހިތަށް އަރަމުންދެއެވެ. މިއީ ކޮން ފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ ކޮން ފަދަ ބޮޑު ބިރުވެރިކަމާކާއި އެކަނިވެރިކަމެއް ހެއްޔެވެ؟ ރިޟުވާނުގެ ސިފައިގައި އޭނާގެ ގާތަށް އައިސް މި އުޅެނީ ހަމަ ރިޟުވާނުބާވައެވެ؟ އޭނާގެ ފިކުރާއި އުޅުމާއި ވާހަކަދެއްކުމާއި މި ހުރިހައި ކަމެއް ހާދަހައި ބޮޑަށް ބަދަލުވެއްޖެއެވެ.
ޝަނޫރާ އިނީ ވާންވި ގޮތެއް ނޭނގިފައެވެ. ރިޟުވާނު ނައިސް ލަސްވާތީ އޭނާ ކަންބޮޑުވެއެވެ. އެކަނި އިންނަން ބިރުގަންނާތީއެވެ. އަނެއްކޮޅުން ރިޟުވާނު އަންނާކަށް ވެސް އޭނާ ނޭދެއެވެ. އޭނާގެ ހިތުގައި ރިޟުވާނާ މެދު ޝައްކުތަކެއް ހިނގާތީއެވެ. މި ކަހަލަ ފިކުރުތަކެއްގައި ދެ ފަހަރު ދެ ވިސްނުމަށް ކިރިކިރި އޭނަ އިނެވެ.
“ދެން ކިހައި ދެރަކަމެއް ކަމާލޫ! ކޮން ސަކަރާތެއްތަ ތި ޖަހަނީ؟” ކަމާލުގެ ފަހަތުން ވަލުތެރޭގައި ހިނގަމުން ދިޔަ އައްޔަގެ އަޑުގައި ހުރީ ނުރުހުމެވެ.
“އަނގަމަޑުން ލައިގެން އައިސްބަލަ! މިތާ ކޮންމެވެސް ބަޔަކު އެބަ އުޅެއޭ!” ކަމާލު ވާހަކަ ދެއްކީ މަޑުންނެވެ. އޭނާ އަތުގައި އޮތް ޓޯޗުން ބައެއް ފަހަރު އަލިކޮށްލައެވެ.
“ކަމާލު ތި އުޅެނީ މޮޔަވެގެންތަ؟ ބަޔަކު އުޅުނަސް ނޫޅުނަސް އަހަރެމެންނަށް ކީއް؟” އައްޔަގެ އަޑުގައި ހުރީ ނުރުހުމެވެ.
“އާނ! އަވަހަށް ހިނގާ ދާން! ކަލޭ މިހާރު ރުޅި ވެސް އައީ ދޯ!” ކަމާލުގާތަށް ހިނިއައެވެ.
ދެ މީހުން މިސްރާބު ބަދަލުކޮށް، އެނބުރި އައި ކޮޅަށް ހިނގައިގެންފިއެވެ. އެހެންނަމަވެސް ދެވުނީ ތަންކޮޅަކަށެވެ. ފަހަތުން މީހަކު ހިނގާފައި އަންނަ ކަހަލަ އަޑެއް އިވިގެން، އެ ދެ މީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލެވުނެވެ. ވަށައިގެން އެކި ދިމަދިމާއަށް ކަޅި ހިންގައިލެވުނެވެ. މީހަކު ކީއްކުރަންހެއްޔެވެ؟ ދިރޭ ފުރާނައެއްގެ ލިސާނެއް ވެސް ފެންނާކަށް ނެތެވެ.
ހީވި ހީވުމެއްކަމަށް ބަލާފައި ކަމާލު ހިނގައިގަތް ނަމަވެސް، އައްޔަގެ ހިތުގެ ތެޅުން ކުރިއަށް ވުރެ ވެސް އަވަސްވެއްޖެއެވެ. އެހެންކަމުން އޭނާ އަވަސްއަވަހަށް ގޮސް ކަމާލާ އަރައި ހަމަކޮށްފިއެވެ.
“ހާދަ ބިރެކޭ ތި ގަންނަނީ؟” އައްޔަގެ މޫނަށް ކަމާލު ބަލައިލީ ހިނިއައިސްފައި ހުރެއެވެ.
ކުއްލިއަކަށް ގަސްތަކުގެ ތެރެއިން އައިސް އެ ދެ މީހުންގެ ކުރިމައްޗަށް އެއްޗެއް ވެއްޓިއްޖެއެވެ. ވެއްޓި ޖެހުނު ގޮތުން، ވަރަށް ބަރު އެއްޗެއް އައިސް ޖެހުނުހެން ހީވިއެވެ. ބިރުން ސިހިސިހި ހުރި އައްޔައަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ކަމާލުގެ ގައިގައި އޮޅުލައިގަނެވުނެވެ. ކަމާލު ވަގުތުން ޓޯޗުން އެ ދިމާއަށް އަލިކޮށްލިއެވެ. އެ އެތި އައިސް ވެއްޓުނު ދިމާއަށެވެ. އެހެންނަމަވެސް އެ ދިމާގައި އެ ގޮތަށް އައިސް ވެއްޓިފައި އޮތް އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެކި ދިމަދިމާއަށް އަލިކޮށް ބެލި އިރު ވެސް އެ ފަދަ އެއްޗެއް ނުފެނުނެވެ.
“ކޮބާ ވެއްޓުނު އެތި.” ކަމާލުގެ ގައިގައި ބައްދައިގެން ހުރެ އައްޔަ ސުވާލުކުރިއެވެ. އޭރު އޭނާގެ ހަށިގަނޑެކޭ އެއްފަދައިން އަޑު ވެސް ތުރުތުރުއަޅައެވެ.
“ނޭނގެ!” ކަމާލުގެ އަޑު ވެސް މިހާރު ބަދަލުވެއްޖެއެވެ.
“މަށަށް ހީވަނީ މި ރޭ މި ރަށް އެހައި ރަނގަޅެއް ނޫންހެން. ހިނގާ އަވަހަށް ރަށަށް ދާން!”
“މަށަށް ވެސް ތިހެން ހީވާން ފަށައިފި!” ދެ މީހުން ބާރުބާރަށް ކުރިއަށް ހިނގައިގަތެވެ.
ތަންކޮޅަކަށް ގޮސްފައި ޖީބުގައި އޮތް ފޯނު ކަމާލު ނެގިއެވެ. މީހަކަށް ގުޅާލުމުގެ ގަސްތުގައެވެ. އޭނާ ބޭނުންވަނީ އޭނާގެ ބައްޕައަށް ގުޅާށެވެ. ދިމާވެގެން މި އުޅޭ ކަންތައް ހިއްސާކުރާށެވެ. އެހެންކަމުން، ފޯނު ނަގައި ނަންބަރު ހޯދަމުން، ކުރިއަށް ހިނގަމުން ދިޔައެވެ.
އެ ދެ މީހުންނަށް މާ ގިނަ ފިޔަވަޅުތަކެއް އެޅޭގޮތެއް ނުވިއެވެ. ކުއްލިއަކަށް ގަސްތަކުގެ ތެރެއިން، އެ ދެ މީހުންގެ ލޮލަށް އައްޔެއް އެޅިއްޖެއެވެ. ގަދަފަދަ ހުދު އައްޔެކެވެ. ހީވަނީ ވަރުގަދަ މާކަރީ ލައިޓެއް ލޮލަށް އަޅުވައިލިހެންނެވެ. އަލި އައިސްފައި ވަނީ އެ ތަނުގައި ހުރި ދިގު ގަހެއްގެ ކޮޅުންނެވެ.
އެ އަލި ގަދަކަމުން ކަމާލާއި އައްޔައަށް ލޯ ދިލުވައިލާކަށް ނުކެރުނެވެ. ވަގުތުން ލޯ މެރިއްޖެއެވެ. އޭރު އެ ދެ މީހުންގެ ހިތުގެ ތެޅުން ހުރީ އަވަސްވެފައެވެ. ހަށިގަނޑުގައި ތުރުތުރެއް ވެސް ވަނީ އެކުލެވިފައެވެ.
ގިނަ އިރުތަކެއް ނުވެއެވެ. ކުއްލިއަކަށް ކަމާލުގެ ކަންފަތުގައި ޖެހުނީ، އައްޔަ ހަޅޭއްލަވައިގަތް އަޑެވެ. ވަރަށް ބާރަށެވެ. ލިބުނު ކުއްލި ސިހުމާ އެކު، ކަމާލަށް ވަގުތުން ލޯ ހުޅުވައިލެވުނެވެ. އޭރު މުޅި އެ ސަރަހައްދަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ކުރިން އައި އަލީގެ އެއްވެސް އަސަރެއް ނެތެވެ. ކަމާލަށް ފުރަތަމަ ވެސް ބަލައިލެވުނީ، އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް ހުރި އައްޔަ ކޮބައިތޯއެވެ. އައްޔައެއް ނެތެވެ.
ކަމާލުގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވަކީން ބޮޑުވެއްޖެއެވެ. ހިތުގެ ތެޅުން އިހުނަށް ވުރެ ވެސް ބާރުވެއްޖެއެވެ. އޭނާއަށް އަވަސްއަވަހަށް ވަށައިގެން އެކި ދިމަދިމާއަށް ކަޅި ހިންގައިލެވުނެވެ. އަނދިރިކަމުން ތަނެއް ދޮރެއް އެނގޭވަރެއް ނުވެއެވެ. ގަސްތަކުގެ ތެރޭގައި މީހަކު ހުއްޓަސް ނޭނގޭނެއެވެ.
“އައްޔާ! އައްޔާ!” ބިރުން ތުރުތުރުއަޅާ ހާލުގައި ހުރެ، ކަމާލަށް ގޮވަންފެށުނެވެ. މާ ބާރަކަށް ނޫނެވެ.
އައްޔަގެ ފަރާތުން ޖަވާބެއް ނާދެއެވެ. އޭރު ވެސް އެކި ދިމަދިމާއަށް ކަމާލު ކަލި ހިންގަމުންގެންދެއެވެ. އަނދިރިކަމުން އެއްޗެއް ނުފެނުނަސް، އޭނާގެ އެ ބޭކާރު ހަރަކާތަކަށް ހުއްޓުމެއް ނާދެއެވެ.
އެ ހުރި ފިޔަވަޅުމަތިން ގުޑައިލާން ވެސް ނުކެރިފައި ހުރި ކަމާލަށް، އަތުގައި އޮތް ޓޯޗު މަތިން ހަނދާންވީ އިރުކޮޅެއް ފަހުންނެވެ. އޭނާ ވަގުތުން ޓޯޗު އަތަށް ހެޔޮވަރުކޮށްލިއެވެ. އަދި ޓޯޗުން އަލިކުރާންފެށިއެވެ. ވަށައިގެން ހެދިފައި ހުރި ގަސްތަކުގެ ތެރެއަށެވެ. ބިންމައްޗަށެވެ. ބޮޑެތި ގަސްގަހުގެ ކޮޅަށެވެ. އެހެންނަމަވެސް މިއިން އެއްވެސް ތަނަކުން އައްޔައެއް ނުފެނުނެވެ.
އައްޔަ ގެއްލިއްޖެއެވެ. ކަމާލުގެ ހިތަށް ވެރިވި ބިރުވެރިކަމާ އެއްވަރަށް، ހިތާމަ ވެސް ވެރިވެއްޖެއެވެ. ދެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. އެހެންނަމަވެސް އޭނާ އަދި ވެސް އުއްމީދު ކަނޑައެއް ނުލައެވެ. އެކި ދިމަދިމާއަށް އަލިކުރަމުން، މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އަޅައިފިއެވެ. ނޫނެކެވެ. ފިޔަވަޅެއް ނޭޅެއެވެ. އަޅާން ފައި ހިއްލައިލީއެވެ. ހަމަ އެ ވަގުތު ބިންމަތީގައި ހުރި ފަތްތަކުގެ ތެރެއިން ކުއްލިއަކަށް އޭނާގެ ވާތުފައިގައި މީހަކު ހިފަހައްޓައިފިއެވެ. ހީވީ ބިން ފަޅާފައި ނިކުތް އަތަކުން ހިފިހެންނެވެ.
ލިބުނު ސިހުމާއި ގަތް ބިރެއްގެ ބޮޑުކަމުން، ކަމާލަށް ދެ ފައި ތަޅައިގެންފައި، ދުއްވައިގަންނަން މަސައްކަތްކުރެވުނެވެ. ބާރަށް ހަޅޭއްލަވައިގަންނަމުންނެވެ. އެހެންނަމަވެސް ދުއްވައެއް ނުގަނެވުނެވެ. އެ ހުރި ތަނަށް ބަނޑުވަތަށް ވެއްޓި ޖެހުނީއެވެ. އެއާއެކު އޭނާގެ އަތުގައި އޮތް ޓޯޗާއި ފޯނު ވިއްސައިގެން މާ ދުރަށް ހިނގައްޖެއެވެ.
ވެއްޓި ޖެހުނުގޮތުން ކަމާލަށް ވަރަށް ތަދުވިއެވެ. ބަނޑަށާއި މެޔަށެވެ. އެހެންނަމަވެސް ވީ ތަދަކަށް އޭނާ ނުބަލައެވެ. ފުންމައިގެން ތެދުވެއްޖެއެވެ. އޭރު އޭނާގެ ފައިގައި ހިފެހެއްޓި އަތުން، ފައި ވަނީ ވީއްލިފައެވެ. އެހެންކަމުން ދެ ފަޔަށް ލެވުނުހައި ބާރެއްލައިފައި އޭނާ ވަގުތުން ދުއްވައިގެންފިއެވެ. އެއެއް މިޔެއް ނުބަލައެވެ. ގަސްތަކުގެ ތެރެއިން ދުވަމުން ތެޅެމުން ފޮޅެމުން ގޮސް އަތިރިމައްޗަށް ނިކުމެއްޖެއެވެ.
އަތިރިމައްޗަށް ފޭބުނެއްކަމަކު ކަމާލުގެ ފިޔަވަޅަކަށް ހުއްޓުމެއް ނާދެއެވެ. ދެ ލޯ ބޮޑުވެ، ވަރުބަލިވެ، ސިހިސިހި ހުރެ ވެސް، އޭނާ ދިޔައީ ދުވަމުންނެވެ. ދުރުން ފެންނާން އޮތް ބޮއްކުރައާ ދިމާއަށެވެ. ގޮނޑުދޮށުގައި އޭނާ ދުވަމުން ދިޔަ އިރު، އެ ސަރަހައްދަށް ޖަމާވެފައިވާ ކަކުނިތައް ކެވިއަރަމުންދެއެވެ. ބައެއް ކަކުނީގެ ގައިމަތީގައި ވެސް އޭނާގެ ފިޔަވަޅު ބެހެއްޓެއެވެ. އެހެންނަމަވެސް މި ކަމަކަށް އޭނާގެ ސަމާލުކަމެއް ނުހުއްޓެއެވެ.
ވަކި ހިސާބަކަށް ގޮސްފައި ކަމާލަށް އެނބުރި ފަހަތަށް ބަލައިލެވުނެވެ. ފެނުނީ އޭނާގެ ފަހަތުން، ފަސްވަރަކަށް ފޫޓު ދުރުން، ބޮޑު ކަޅު ހިޔަންޏެއް އަންނަ ތަނެވެ. އެ ހިޔަނި ދިގުކަމުން ވަނީ ރަށްމަތިން އޮބައިލާށެވެ. މި ބިރުވެރި މަންޒަރު ފެނިފައި ކަމާލުގެ ދެ ލޯ މުދުނަށް އެރިއެވެ. ބާރަށް ހަޅޭއްލަވައިގެނެވުނެވެ. ދެ ފަޔަށް ކުރިއަށް ވުރެ ވެސް ބާރުލާފައި ދުއްވައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް މޫދަށް އެރެގަތެވެ. އިސްކޮޅު ޖެހުނެއްކަމަކު ބޮއްކުރައާ ދިމާއަށް ފަތައިގަތެވެ.
ކަމާލު އެ ދިޔަ ބާރު މިނުގައި ގޮސް، ފުންމައިގެން ބޮއްކުރައަށް އަރައިފިއެވެ. އެރިގޮތަށް މޫނުން ފެންފޮހެލަމުން، ދެ ލޯ ބޮޑުކޮށްފައި އެ ރަށާ ދިމާއަށް ބަލައިލެވުނެވެ. އެކި ދިމަދިމާއަށް އަވަސްއަވަހަށް ކަޅި ހިންގައިލެވުނެވެ. އެ ރަށުން ތަފާތު އެއްވެސްކަމެއް މިހާރު ފެންނާކަށް ނެތެވެ. ފެންނާން އޮތީ ހަމަހިމޭންކަމެވެ. ފަޅުކަމެވެ. ގޮނޑުދޮށުގެ ފަސްގަނޑު ހުދުކުލައިން ފެނުނު ނަމަވެސް، ހޭޅިފަށާއި ގަސްތައް ފެންނަނީ ކަޅުކުލައިގައެވެ.
ކަމާލު އަދި ވެސް އިނީ ސިހިސިހިއެވެ. ވަށައިގެން އެކި ދިމަދިމާއަށް ބެލެނީއެވެ. ހިތް ބުނަނީ ހަމަ ކޮންމެ ފަދަ ވަގުތަކު، ކޮންމެ ފަދަ ދިމާއަކުން ވެސް އައިސް ހިފައިގެންފާނޭ ކަމަށެވެ. މި ކަހަލަ ފިކުރުތަކަކާ އެކު، އޭނާގެ ހިތް ތެޅެމުން ދަނީ އޮބި ނޯންނަ މިންވަރަށެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެ ރަށުން ފުރައިގެން ދާށެވެ. އެހެންނަމަވެސް އެ ގޮތަށް އެކަން ކުރާކަށް ހިތް އެއްބަހެއް ނުވެއެވެ. އައްޔައަށް ވީ ގޮތެއް ނޭނގޭތީއެވެ. ހަދާނީ ކިހިނެއް ބާވައެވެ؟ ރަށަށް ގުޅައިލެވޭނީ ވެސް އަތުގައި ފޯނު އޮތް ނަމަތާއެވެ.
ފަސްވަރަކަށް މިނެޓް ފާއިތުވެއްޖެއެވެ. ކަމާލު ހަމަ އެ އިންގޮތަށް އެ ރަށާ ދިމާއަށް ބަލަހައްޓައިގެން ހުއްޓުންއަރާފައި އިނެވެ. އޭނާ ވިސްނަމުން ގެންދިޔައީ ދެން ހަދާނެ ގޮތަކާ މެދުގައެވެ. އެތައް ގޮތަކަށް ވިސްނުމަށް ފަހު، އެންމެ ފަހުން އޭނާ ނިންމީ، ފުރައިގެން ރަށަށް ދާށެވެ. ގޮސް ރަށު މީހުންނަށް ވީ ގޮތް ކިޔައިދީފައި ރަށު ބަޔަކާ އެކު، އައްޔަ ހޯދަން އަންނާނީއެވެ. މި ޚިޔާލަށް ތަބާވެ، އޭނާ މަޑުމަޑުން ތެދުވެ، ބޮއްކުރާގެ ދިރުނބާކޮޅާ ދިމާއަށް ހިނގައިގަތެވެ. ނަގިލި ނެގުމަށެވެ.
ގުދުވެ ނަގިއްޔަށް ދަމަން ފެށުމާ އެކު، ކަމާލަށް ހީވީ މީހަކު އޭނާގެ ކަންފަތްދޮށުގައި ބުނާންފެށިހެންނެވެ. އޭ ކަމާލޫއެވެ. ކަލޭ ތި އުޅެނީ މި ރަށަށް އައްޔަ ދޫކޮށްލާފައި ހަމަ ރަށަށްދާން ހެއްޔެވެ؟ ކަލޭގެ އެކުވެރިޔާ އެ ބިރުވެރި ނާމާންކަމުގެ ތެރެއަށް ދޫކޮށްލާފައި ދާކަށް އެއްޗެއް ހިތަކަށް ނާރާ ހެއްޔެވެ؟ އޭނާއަށް ވީ ގޮތެއް ނުބަލައި، ތިޔަ ގޮތަށް ދާން ހެޔޮވެދާނޭ ހެއްޔެވެ؟ ކަލޭ ރަށަށް ގޮސް އޭނާގެ އަނބި މީހާއަށާއި މައިންބަފައިންނަށާއި އާއިލާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ ކަލޭ ގޮސް ދައްކާ ވާހަކަ އެ މީހުން ގަބޫލުކުރާނޭ ކަމަށް ހީކުރަނީ ހެއްޔެވެ؟ ނުކުރާނެއެވެ. ރަށުގެ އެކަކު ވެސް ގަބޫލެއް ނުކުރާނެއެވެ. ތުހުމަތުގެ އިނގިލި ވަގުތުން ދިއްކުރާނީ ކަލެއާ ދިމާއަށެވެ. ކޯޓަށް ކަލޭގެ މައްސަލަ ހުށަހަޅާނެއެވެ. އެހައިތަނުން އައްޔަގެ ގާތިލަކަށް ވާނީ ކަލެއެވެ. އުމުރު ދުވަހު އިންނާންޖެހޭނީ ޖަލުގައެވެ.
ކަމާލުގެ ކަންފަތުގައި މި ޖުމުލަތައް ގުގުމަންފެށުމާ އެކު، އޭނާ ގަނޑުވެއްޖެއެވެ. ވަލުން ދޫކޮށްލުމަށް ފަހު، ކޮޅަށް ތެދުވެ ހިންދެމިލައިފިއެވެ. ކުރިމަތީގައި އޮތް ފަޅުރަށަށް އަނެއްކާ ވެސް ނަޒަރު ހުއްޓާލައިފިއެވެ. އޭނާ ހުރީ ދެން ހަދާނެ ގޮތަކާ މެދު ވިސްނާށެވެ. އެންމެފަހުން ފެނުނީ، އެ ހުރިތާ ހުރެފައި މޫދަށް ފުންމާލިތަނެވެ. އުނަގަނޑުތާ ފެނުގައި ހުރެގެން، އެ ރަށާ ދިމާއަށް މަޑުމަޑުން ހިނގައިގަތްތަނެވެ.
ކަމާލު މަޑުމަޑުން ހިނގާފައި ގޮސް އެ ރަށަށް އަރައިފިއެވެ. އޭނާ ރަށުގެ ހޭޅިފަށުގެ އެއް ކޮޅުން އަނެއް ކޮޅަށް ބަލައިލިއެވެ. އައްޔަ ފެނޭތޯ ބަލައިލީކަންނޭނގެއެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު އޭނާއަށް އެއްވެސް އެއްޗެއް ގެނެހެއް ނުދިނެވެ.
އެ ފިޔަވަޅުމަތީގައި އިރުކޮޅަކު ހުރެފައި ކަމާލު ކުރިއަށް ހިނގައިގަތެވެ. ހޭޅިއާ ދިމާއަށެވެ. އޭނާގެ ހިތް ތެޅެއެވެ. ހަތަރެސް ފައި ރޫރޫލައެވެ. ނޭވާ އަވަހެވެ. އެހެންނަމަވެސް ފިޔަވަޅަކަށް މަޑުޖެހުމެއް ނާދެއެވެ. ހިތުގެ ދުޢާ ވަނީ އައްޔާއެކުގައެވެ.
ކަމާލަށް މާ ދުރަށް ހިނގާކަށް ނުޖެހުނެވެ. ހޭޅިއަށް ވަންނާކަށް ވެސް ނުޖެހުނެވެ. ތަންކޮޅެއް ދުރުން ހޭޅިކައިރީގައި ހުރި މީހަކު ފެނިއްޖެއެވެ. އަނދިރިކަމުން ފެންނަނީ ކަޅު ހިޔަންޏެއްގެ ސިފައިގައެވެ. އެ މީހަކު ފެނުމާ އެކު ކަމާލުގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ކަޅިޖަހައިނުލައި ބަލާން ފެށުނީ އެ މީހަކާ ދިމާއަށެވެ.
ގިނައިރު ބަލާންފެށުމުން، އެ މީހަކު އައްޔައާ ވައްތަރުވާން ފަށައިފިއެވެ. އެއީ އައްޔަކަން މިހާރު ކަމާލަށް ޝައްކެއް ނެތް މިންވަރަށް ޔަގީން ވެއްޖެއެވެ. އެ ވަގުތު އޭނާގެ ހިތަށް ލިބުނު އުފާވެރިކަން އެތައް ގުނައަކަށް އެރިއެވެ. ދެ ފަޔަށް އިތުރު ބާރެއް ލިބުނު ކަހަލައެވެ. ހަށިގަނޑުގެ ހަކަތަ، އެތައް ދަރަޖައަކަށް އުފުލުނެވެ. ވަގުތުން އެ ދިމާއަށް ހިނގައިގެންފިއެވެ. ދެ ފަޔަށް ލެވުނުހައި ބާރެއްލައިފައެވެ.
“އައްޔާ!” އައްޔައާ ފަސްވަރަކަށް ފޫޓަށް ކައިރިވެފައި ކަމާލު ގޮވައިލިއެވެ. އޭރު އައްޔަ ހުރީ ހޭޅިއާ ދިމާއަށް ކުރިމަތިލައިގެން ކަމާލަށް ފުރަގަސްދީގެންނެވެ. “ކޮންހައި ސަމާސާއެއް ތިޔަ ކުރަނީ؟ ހިނގާދާން!”
ކަމާލުގެ ޖުމުލަ ނިމުމާ އެކުހެން، ކުއްލިއަކަށް ކަމާލާ ދިމާއަށް އައްޔަ އެނބުރިއްޖެއެވެ. އެ ވަގުތު ކަމާލު ދިޔައީ ސިއްސައިގެންނެވެ. ރަތް އަނގުރުގަނޑެއް ފަދައިން އަނދައަނދާ ހުރި އައްޔަގެ ދެ ލޯ ފެނިފައެވެ. ލިބުނު ވަރުގަދަ ސިހުމާ އެކު، ކަމާލަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެނބުރި އައިކޮޅަށް ދުއްވައިގަންނާން އުޅުނު ނަމަވެސް އެ ކަމެއް ނުވިއެވެ. ކަމާލުގެ ކަރުގައި ހިފައި، ފިތާލިލެއް ބާރުކަމުން އޭނާއަށް ނޭވައެއް ނުލެވުނެވެ. އިސާހިތަކު އެ ހުރި ފިޔަވަޅުމައްޗަށް ވެއްޓި ޖެހިއްޖެއެވެ.
“ކާކު؟” ގޭގެ ފުޅަލިގަނޑުގައި ހިފައި ހަލުވައިގަތުމުން، ޝަނޫރާގެ ދެ ލޯ މުދުނަށް އެރިއެވެ.
“މަށޭ. ކީއްވެ ދޮރު ލައްޕައިގެން ތި އުޅެނީ؟” އިވުނީ ރިޟުވާނުގެ އަޑެވެ.
ރިޟުވާނުގެ އަޑު ކަންފަތުގައި ޖެހުމާ އެކު، ޝަނޫރާގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގަތެވެ. އޭނާ ބިރުން ހުރެ، މަޑުމަޑުން ތެދުވެގެން ދޮރާ ދިމާއަށް ހިނގައިގަތެވެ.
“ހާދަ ބިރުން ތިހިރީ!” ރިޟުވާނު ގޭތެރެއަށް ވަދެ، ޝަނޫރާއާ ދިމާއަށް ބަލަމުން ބުންޏެވެ.
“ތީ…. ތީ ރިޟުވާނުތަ؟” ރިޟުވާނާ ދިމާއަށް ފާޑަކަށް ބަލާން ހުރެފައި، ބޭއިޚުތިޔާރުގައި ޝަނޫރާއަށް އަހައިލެވުނެވެ. އެ ވަގުތު ރިޟުވާނުގެ މޫނުމައްޗަށް ކުލި ބަދަލެއް އައެވެ. ޝަނޫރާއަށް އެކަން ފާހަގަކުރެވުނުކަމެއް ނޫންކަމެއް ނޭނގެއެވެ.
“ހާދަ މޮޔަ ސުވާލެއް ތިކުރީ. އަމިއްލަ ލޮލަށް ވެސް މިހާރު އިތުބާރު ނުކުރެވެނީތަ؟” ރިޟުވާނު ވަގުތުން ހަމަޖެހިލިއެވެ.
“ކޮން އަޑެއްތަ އިރުއިރުކޮޅުން އެ އިވެނީ؟ މީ ހާދަ ބިރުވެރި ރަށެކޭ!”
“ކޮން އަޑެއް؟”
“އިރުއިރުކޮޅާ މީހަކު ހަލޭއްލަވައިގަންނަ އަޑު!”
“ތީ ބިރުން އޮންނާތީ ހީވާ ގޮތް!” ރިޟުވާނު ބޭނުންވީ އެ ވާހަކަ އެހައި ހިސާބުން ނިންމައިލާށެވެ.
ރިޟުވާނު އައުމަކުން ޝަނޫރާ ގެންފައިވާ ބިރުވެރިކަމަކަށް ލުޔެއް ނުލިބެއެވެ. އެއާ ޚިލާފަށް އިތުރު ބިރުވެރިކަމެއް އެ ހިތަށް ވެރިވީއެވެ. ޝައްކުގެ ނަޒަރަކުން ރިޟުވާނާ ދިމާއަށް ބެލޭންފެށީއެވެ. ކަންބޮޑުވުމާއި ހާސްކަން އިތުރުވާން ފެށީއެވެ.
“ދެން މާ ބޮޑަށް ކަންބޮޑުނުވޭ!” ހައްވަ ހުއްޓުން އަރާފައި އިނުމުން ސައީދަށް ބުނެވުނެވެ.
“ކަންބޮޑުވާނެ ދޯ!” ހައްވައަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. “ސައީދަށް ހަމަ ޔަގީންތަ އެ ރަށުގަ އޭނާ ނެތްކަން.”
“އާއެކޭ. އަހަރެން ރާޒީއަށް ގުޅައިފީމޭ. ރާޒީ ބުނީ އެ މީހުން އެ ރަށަކަށް ނުދެޔޯ. އޭނާއަށް ނުގުޅާތާ ވެސް މިހާރު ދުވަސްކޮޅެއް ވެއްޖެޔޯ.”
“ދެން…؟” ދެ ލޯ ބޮޑުކޮށްފައި ސައީދާ ދިމާއަށް ހައްވައަށް ބަލައިލެވުނެވެ. “އެ ރަށަށޭ ކިޔާފައި ދެން ކޮންތާކަށް އެ ދިޔައީ؟”
“ކީކޭ ބުނާނީ؟”
“ފުލުހުންނަށް އަންގަންވީނު. ކޮންމެ ގޮތަކުން ވެސް އެ މީހުނަށް ތި ވީ ގޮތަކާއި އުޅޭ ތަނެއް ބަލަން އެބަ ޖެހެއެއްނު!”
ގޭތެރޭގައި ވަނީ ހަނުހިމޭންކަމެވެ. ޝަނޫރާއާއި ރިޟުވާނު ތިބީ ސަތަރިގަނޑުމަތީގައި ނިދާށެވެ. ކަނިކޮށްފައި ހުރި ފުޅިބައްތީގެ ފަނޑު ރަތް އަލީގެ ތެރެއިން، އެ ދެ މީހުން ފެންނަނީ، ކަޅު ހިޔަނީގެ ގޮތުގައެވެ.
އިރުކޮޅަކުން ފެނުނީ ރިޟުވާނު ވަރަށް މަޑުމަޑުން ބޯ އުފުލައިލިތަނެވެ. އޭނާ ފަރުވާތެރި ނަޒަރަކުން ޝަނޫރާގެ މޫނަށް ބަލައިލިއެވެ. ނުނިދިފައި އޮތް ޝަނޫރާ ވަގުތުން ދެ ލޯ މަރައި ފިއްތާލިއެވެ. އޭރު ވެސް އޭނާގެ ނުތަނަވަސްކަމުން ފޯވެފައިވާ ހިތް ބާރަށް ތެޅެމުންދއެވެ. ރިޟުވާނު މަޑުމަޑުން ތެދުވި މަންޒަރު ފެނިފައި، އެ ހިތުގެ ތެޅުން ވަކިން ބޮޑުވިއެވެ.
ރިޟުވާނު ހިނގައިގަތީ ގެއިން ނިކުތުމަށެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް، ގޭގެ ފުޅަލިގަނޑު މޮހައިލިއެވެ. އެއަށްފަހު ގެއިން ނިކުތުމުގެ ކުރިން، އެނބުރި އަނެއްކާ ވެސް ޝަނޫރާއާ ދިމާއަށް ބަލައިލިއެވެ. ޝަނޫރާ އަވަސްއަވަހަށް ދެ ލޯ މެރިއެވެ. ރިޟުވާނު ނިކުމެ ފުޅަލިގަނޑު ދޮރުކައިރީގައި ލައްކޮށްލާފައި، މަޑުމަޑުން ހިނގައިގެންފިއެވެ.
ރިޟުވާނު ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ޝަނޫރާ ފުންމައިގެން ތެދުވެއްޖެއެވެ. އޭނާ ވެސް ތެދުވެގެން ހިނގައިގަތީ ދޮރާ ދިމާއަށެވެ. ދޮރު ކައިރިއަށް ހުއްޓި، ފުޅަލިގަނޑު ދަށުން ބޭރަށް ބަލައިލިއެވެ. ރިޟުވާނު ފެނޭތޯއެވެ. ބޭރު ވަރަށް އަނދިރިއެވެ. ބިރުވެރި ކަޅު ހިޔަނިތަކެއްހެން ވަށައިގެން ހުރި ގަސްތައް ފިޔަވައި، އިތުރު އެއްޗެއް ނުފެނެއެވެ. ޝަނޫރާގެ ހިތުގެ ތެޅުން ކިތަންމެ ހަލުއިވެފައި ހުރި ނަމަވެސް، ބޭރަށް ނުކުތުމާ އެކު ވީ، ކަނޑުވީމާ ވާކަހަލަ ގޮތެކެވެ. ބިރު ފިލައިފިއެވެ. ކުރިއަށް ހިނގައިގަނާނެ ހިތްވަރު ލިބިއްޖެއެވެ.
ތަންކޮޅަކަށް ދިޔަތަނާ، ޝަނޫރާއަށް ރިޟުވާނު ފެނިއްޖެއެވެ. އޭނާގެ މިސްރާބު ހުރީ އަތިރިމައްޗާ ދިމާއަށެވެ. އެ ރަށަށް އާންމުކޮށް ލަފާ ފަރާތް ނޫން އަނެއް ފަރާތު އަތިރިމައްޗަށެވެ. ޝަނޫރާ އޭނާގެ ބޯކޮޅު ބަލަމުން، ފަހަތުން ކުރިއަށް ދިޔައެވެ.
ރިޟުވާނު އެ ދިޔަ ގޮތަށް ގޮސް، އަތިރިމައްޗަށް ފައިބައިފިއެވެ. އޭރު ހަނދު އެރުމަށް ޓަކައި، ރަށުގެ އިރުމަތީ ފަރާތް ވަނީ އަލިކުރާން ފަށައިފައެވެ. ފޫދެން ޖަހާފައި އޮތް ދިޔަވަރަށް ހުއްޓައިލި ނަޒަރު، ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހިންގައިލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތީ ސީދާ މޫދާ ދިމާއަށެވެ. އެ ދިޔަ ގޮތަށް ގޮސް، މޫދަށް އެރެފިއެވެ. ހޭޅިތެރޭގައި ބޮނދައި އޮވެ، މި މަންޒަރު ބަލަމުން ދިޔަ ޝަނޫރާގެ ހިތް، ހަލުއިކަމާ އެކު ތެޅެމުން ދެއެވެ. ވާން މި އުޅެނީ ކީއްކަމެއް އޭނާއަކަށް ލަފާކޮށްލާން ވެސް އަދި ނޭނގެއެވެ.
މޫދަށް އެރިގެން މަޑުމަޑުން ހިނގަމުން ވަކި ހިސާބަކަށް ރިޟުވާނު ގޮސްފައި، ހަމަ ކުއްލިއަކަށް ފީނައިގެންފިއެވެ. އެހައިތަނުން ޝަނޫރާގެ ލޯމަތިން އޭނާ ގެއްލިއްޖެއެވެ. ޝަނޫރާއަށް ހުރެވުނީ ދެ ލޯ ދަމައި ވާންކޮށްގެން ބަލާށެވެ. ރިޟުވާނު ފީނައިގަތް ދިމާއަށެވެ. މައްޗަށް އަރާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އޭނާ އެހެން ހުންނަތާ އެއް މިނެޓް ދެ މިނެޓަށްވެ، ފަސްވަރަކަށް މިނެޓް ފާއިތުވެ ހިނގައްޖެއެވެ. ރިޟުވާނުގެ އެއްވެސް ހިލަމެއް ނުވިއެވެ. ޝަނޫރާގެ ހާސްކަމާއި ކަންބޮޑުވުމާއި ހިތަށް ވެރިވަމުން އައި ބިރުވެރިކަން އައީ ބޮޑުވަމުންނެވެ.
އެއީ ރިޟުވާނު ބާވައެވެ؟ އެއީ ރިޟުވާނު ކަމަށްވާ ނަމަ، އޭނާއަށް އެ ވީ ކިހިނެއް ބާވައެވެ؟ މައްޗަށް ނޭރީ ކީއްވެގެން ހެއްޔެވެ؟ ފީނާފައި މާ ދުރަށް ދިޔައީ ބާވައެވެ؟ ނޫނީ މޫދުގައި އުޅޭ ކޮންމެވެސް މަޚުލޫޤެއް އޭނާ މަރާލީ ބާވައެވެ؟ ކައިލީ ބާވައެވެ؟
އިރުމަތީ ފަރާތު އުދަރެހުން ބޯދީ ދުނިޔޭގެ ޖައްވަށް ހަނދު ބަލައިލައިފިއެވެ. އުދަރެހުގައި ހުރި ވިލާތަކުގެ ސަބަބުން ނުރުހުންވެފައިވާ ފުސް މޫނަކާ އެކުގައެވެ. އެއާ އެކު، ކަނޑުގެ ލޮނުގަނޑަށް ދިރުން ލިބުނު ކަހަލައެވެ. ކަނޑުގެ ލޮނުގަނޑުމަތީގައި ހަރަކާތްތެރިވަމުން ދާ ކުދިކުދި ރާޅުތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ޝަނޫރާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މޫދުތެރެއިން ބޮޑު ބަޑިއެއް އެޅި އަޑަށެވެ. ލިބުނު ސިހުމާ އެކު، ބަޑިއެޅި ދިމާއަށް އަވަސްއަވަހަށް އޭނާއަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާގެ ހިތް ތެޅިގަތީ، އަމަށު ވަރަކަށް ނޫނެވެ. ބިރުން ފިތްކަނޑައިގެން ދާ ވަރުވިއެވެ. ފެނުނު ބިރުވެރި މަންޒަރެއްގެ ސަބަބުންނެވެ. އޭނާއަށް ފެނުނީ ރިޟުވާނެއް ނޫނެވެ. ބިރުވެރި ސިފައެއްގައި ހުރި ބިޔަ މަޚުލޫޤެކެވެ. ބުރަހެލި ހިނގުމެއްގައި އެ މަޚުލޫޤު ހިނގައިގަތީ އެއްގަމާ ދިމާއަށެވެ.
ޝަނޫރާ ހުރީ ގަނޑުވެފައެވެ. ހުއްޓުންއަރާފައެވެ. ކަޅި ވެސް ޖަހައިނުލައި އެ ބިރުވެރި މަޚުލޫޤަށް ބަލަހައްޓައިގެންނެވެ. ހިތުގެ ތެޅުން އިންތިހާއަށް ގޮސްފައިވާ އިރު، އޭނާއަކަށް އެކަން ވެސް އިހުސާސްވާހެނެއް ހިޔެއް ނުވެއެވެ.
ކަނޑުން އަރައިގެން އައި ބިޔަ މަޚުލޫޤު، ބަރުހެލި ހިނގުމުގައި އައިސް އެއްގަމަށް އަރައިފިއެވެ. އެއީ އިންތިހާއަށް ކަޅު ބިޔަ އެއްޗެކެވެ. މޫނުމަތި ހީވަނީ ކަޅު އެންދެރިގަނޑެއް ހެންނެވެ. ނިތްމަތިންނާއި ކޯމަތިން ތަންގަނޑުގަނޑު ފަޅައިގެން ގޮސްފައި ހުއްޓެވެ. ދެ ލޮލުގެ ކަޅުކަޅިއެއް ނުފެނެއެވެ. ބޮޑު ދެ ލޯ އެއްކޮށްހެން ފެންނަނީ ކިރުކުލައިގައެވެ. އަރައިގެން އައި ހަނދުގެ ފަނޑު އަލިކަމުގެ ތެރެއިން އެ އެތި ފެންނަ އިރު ހީވަނީ، ކަޅު ކުލައިގެ ދިގު ވާރޭ ކޯޓެއް ލައިފައި ހުރިހެންނެވެ. އޭގެ ހުޑުން ބޯ ވަނީ ނިވާކޮށްފައެވެ.
އެ މަޚުލޫޤު އެއްގަމަށް އަރައި، ކުރިއަށް ހިނގައިގަތުމާ އެކު ނުބައި ކުނިވަހެއް ޝަނޫރާގެ ނޭފަތުގައި ޖެހުނެވެ. އެ ވަސް ޖެހުމާ އެކު، ކުރިން ވެސް ދުވި ވަހެއްކަން އެނގުނެވެ. އިސާހިތަކު އޭނާއަށް އެ ވަސް ކަށަވަރުވެއްޖެއެވެ. އެއީ އެއް ރެއަކު ރިޟުވާނު އައިސް އޭނާގެ ގާތުގައި އޮށޯތުމުން ދުނި ނުބައި ވަހެވެ. މިހާރު އޭނާއަށް ދުވަމުން އެ ދަނީ ހަމަ އެ ވަހެވެ. މިއިން ކޮންމެ ކަމަކުން ޝަނޫރާގެ ހިތުގެ ބިރުވެރިކަން އަންނަނީ އިތުރުވަމުންނެވެ.
އެ މަޚުލޫޤު އެއްގަމަށް އަރައިގެން ހިނގައިގަތް ވަގުތު، ޝަނޫރާގެ ލޮލުގައި އަޅައިގަތީ، އޭތީގެ އަތުގެ ތެރޭގައި ހުރެ، މަރަށް ތެޅެމުންދާ މަސްތަކެކެވެ. މި މަންޒަރު ފެނިފައި ޝަނޫރާގެ ދެ ލޯ ވަކިން ބޮޑުވެއްޖެއެވެ. ކުއްލިއަކަށް ހަނދާނަށް އައީ، މިއަދު ހަވީރު އަތިރިމަތިން ފެނުނު މަންޒަރެވެ. ހޭޅިތެރޭގައި އެއްބައި ކައިފައި ހުރި ލަނޑާތަކެވެ. އެއީ މި މަޚުލޫޤުގެ ކަމެއްކަން އޭނާއަށް ކަށަވަރު ވެއްޖެއެވެ.
އެ މަސްތައް ހިފައިގެން އެ އެތި ދިޔައީ، މިއަދު ޝަނޫރާއަށް ފެނުނު މަސްތައް ހުރި ދިމާއަށެވެ. އެ ދިޔަ ގޮތަށް ގޮސް، އަތުގައި ހުރި މަސްތައް އެ ތަނަށް އަޅާލައިފިއެވެ. އެ މަސްތައް އެ ތަނުގައި ހުރެ ތެޅޭ އަޑު އިވެމުންދެއެވެ. އިރުކޮޅަކު އެ މަސްތަކަށް ކަޅިޖަހައި ނުލައި ބަލަން ހުރެފައި ގުދުވެ، އެ ތަނުން މަހެއްގެ ނަގޫފަތުގައި ހިފައި ނަގައިފިއެވެ. އޭރު ވެސް އެ މަސް ދިޔައީ ތެޅެމުންނެވެ. އެ މަހަށް ކުޑަ އިރުކޮޅަކު ބަލާން ހުރެފައި، އަނގަ މައްޗަށް ޖަހައި އޭތީގެ ބޮލާވީ ކޮޅުން އަނގައަށް އެ މަސް ވައްޓާލައިފިއެވެ. އަދި ވަރަށް މީރުކޮށް ހަފާލައިގެން ކާންފަށައިފިއެވެ.
މި ބިރުވެރި މަންޒަރު ނުހަނު ކައިރިން ޝަނޫރާގެ ދެ ލޮލަށް ފެންނާންފެށުމުން، އޭނާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން އިންތިހާއަށް ހިނގައްޖެއެވެ. ހަތަރެސްފައި ތުރުތުރުއަޅައިގެންފިއެވެ. ދެ ފައިކޮޅުން ވަރު ހިނގައްޖެއެވެ. އަރިއަޅާލައިފިއެވެ. އޭނާއަކަށް ހަށިގަނޑު ބެލެންސެއް ނުކުރެވުނެވެ. އިސާހިތަކު އެ ހުރި ތަނަށް ވެއްޓިއްޖެއެވެ.
ހޭޅިތެރޭގެ ގަސްތަކުގެ ތެރެއަށް ޝަނޫރާ ވެއްޓި ޖެހުނު އަޑާ އެކު، އެ ތަނާ ވަރަށް ކައިރީގައި، ހަމަޖެހިލާފައި ރޯމަސް ކާން ހުރި، ބިރުވެރި މަޚުލޫޤުގެ ކަންފަތުގައި އެ އަޑު ޖެހިއްޖެއެވެ. އޭތި ވަގުތުން އެ ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. އެ ވަގުތު އެ އެއްޗަށް ފެނުނީ، ޝަނޫރާއެވެ. އެ ތަނުން ތެދުވެގެން ދުވެފައި ދިޔަ ތަނެވެ.
މި މަންޒަރު ފެނިފައި، ކާން ހުރި މަސްތައް އެ ތަނަށް ދޫކޮށްލާފައި، އެ މަޚުލޫޤު ވަގުތުން ޝަނޫރާގެ ފަހަތުން ދުއްވައިގެންފިއެވެ. ހޭޅިތެރެއަށް ވަދެ ތަންކޮޅަކަށް ދިޔަތަނާ، އެ އެތީގެ ބިރުވެރި ސިފަ ރިޟުވާނުގެ ސިފައަށް ބަދަލުވެއްޖެއެވެ.
މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ ހަކީމާއި މާރިޔަތު ތިބީ ހުއްޓުން އަރާފައެވެ. މާރިޔަތުގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. އަތަށް ފޯނު ލައިގެން އިން ހަކީމުގެ މޫނުމަތީން ވެސް ފެންނަނީ ހިތާމައިގެ އަސަރެވެ.
“އަދި ވެސް ގުޅާބަލަ!” މާރިޔަތުގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ.
“ކިތައް ފަހަރު މިހާރު ގުޅިއްޖެ! ފޯނެއް ނުނަގައޭ.” ހަކީމުގެ އަޑުގައި ހުރި މާޔޫސްކަން މާރިޔަތާ ދިމާއަށް އޭނާ ބަލައިލި އިރު، އެ ދެ ލޮލުގައި ވެސް ހުއްޓެވެ.
“އަހަރެން ހާދަ ބިރުގަނެއޭ އެބަ. ދެން ކިހިނެއް ހަދާނީ؟ ހަކީމު ދާންވީނު އެ ރަށަށް! ވީ ގޮތެއް ނުބަލައި މިހެން ތިބޭކަށް ނުވާނެ!”
“މި އޮތް ރޭގަނޑު ދަންވަރު ނުކެރޭނެ ދާކަށް. މަށަށް ހީވަނީ ކައުންސިލަށް އަންގަންވީހެން.”
“އައްޔައަކަށް ވެސް ނުގުޅޭ ދޯ؟”
“އޭނާ ދިޔައީ އަދި ފޯނު ވެސް ބާއްވަފަޔޯ.”
ކައުންސިލްގެ ރައީސްގެ ފޯނަށް ހަކީމު ގުޅިއެވެ. ދެ ފަހަރު ތިން ފަހަރު ގުޅި އިރު ވެސް ފޯނެއް ނުނަގައެވެ. އެހެންކަމުން ހަކީމު ގަސްދުކުރީ އެ ގެއަށް ދާށެވެ. ފުލުހުންނަށް ވެސް އެންގޭނީ ކައުންސިލަށް އަންގައިގެންނެވެ.
ހަކީމު ތެދުވެ ގަޔަށް ޓީޝާޓެއް މަހާލައިގެން ނިކުތެވެ. ފަހަތުން މާރިޔަތު ވެސް ނިކުތެވެ.
“އެއް ފަހަރު ވެސް ފޯނު ނުނަގާ؟” ހަކީމުގެ ވާހަކަ އަޑުއަހާފައި ރައީސްގެ މޫނުމަތިން ވެސް ފެނުނީ ކަންބޮޑުވުމެވެ.
“ލައްބަ!” ކަންބޮޑުވެފައި ހުރި މާރިޔަތަށް ވަގުތުން ޖަވާބުދެވުނެވެ.
“ރިންގުވޭތަ؟”
“ލައްބަ!”
“ނަންބަރު ކިޔާބަލަ!” ޖީބުން ފޯނު ނަގަމުން ރައީސް ބުނުއްވިއެވެ.
ހަކީމު ނަންބަރު ކިޔުމުން، އެ ނަންބަރަށް ރައީސް ގުޅުއްވިއެވެ. ހަކީމު ބުނިހެން ރިންގުވެއެވެ. އެހެންނަމަވެސް ފޯނެއް ނުނަގައެވެ. ތިން ފަހަރު ގުޅި އިރު ވެސް ނުނަގައެވެ.
“ނުނަގާ.” ރައީސް ގަޑިއަށް ބައްލަވައިލެއްވިއެވެ. “ދެ ގަޑި ބައިވަނީ ދޯ! މިހާރު އަންނަހައި އިރު ވެއްޖެ. ކިހިނެއްބާ ތި ވީ؟ ވީ ގޮތެއް ބަލަން ފުރަތަމަ ބަޔަކު ފޮނުވޭތޯ އުޅެމާ ހިނގާ. ފުލުހުންނަށް އަންގާނީ ވީ ގޮތެއް ބަލާފަ. ތިބެދާނެ ނިދިފަ ވެސް.”
“ތިހެން ވެއްޖިއްޔާ ހާދަ ރަނގަޅޭ!” މާރިޔަތަށް އަވަސްއަވަހަށް ބުނެވުނެވެ. “ތަންކޮޅެއް އަވަހަށް ބަޔަކު ފޮނުވޭތޯ ބައްލަވައިދެއްވާ! އަޅުގަނޑު ހަމަ ބިރުގަންނަނީ.”
“އާނ! މިހާރު މި އުޅެނީ ތިކަމާ! ހަކީމްބެ ވެސް ދާންވާނެ!” ހަކީމުގެ މޫނަށް ބަލައިލަމުން ރައީސް ވިދާޅުވިއެވެ. “މި ރޭ އިރާކޮޅު ސައީދު އައިސް، ރިޟުވާނުގެ ދެމަފިރިން ދިޔަ ތަނެއް ނޭނގިގެން، އެ ވާހަކަ ވެސް ދައްކާފަ އެ ދިޔައީ. އެ ކަމާ ވެސް އުޅެންވެފައި އޮތީ.”
ދެ ލޯ ބޮޑުވެ ހާސްވެ ތުރުތުރުއަޅަމުން ދިޔަ ޝަނޫރާ، ދުވެވުނުހައި ބާރަކަށް ދުވެފައި އައިސް، ގެއަށް ވަދެއްޖެއެވެ. ގެއަށް ވަންގޮތަށް އޭނާ ދޮރުގައި ފުޅަލިގަނޑު ޖައްސައި ތަންޑުދަނޑިގަނޑާ އެކު ރޯނުން ބަނދެލައިފިއެވެ. އޭނާއަށް ބަނދެވޭ އެންމެ ބާރަށެވެ. އޭރު ވެސް އޭނާގެ ހަތަރެސްފައި ރޫރޫއަޅައެވެ. މީހާ ހުރީ ވަރުބަލިވެ ދާހިއްލައި ފޯވެފައެވެ. މެންދަމުގެ ފިނިކަން، އޭނާގެ ހަށިގަނޑަކަށް ފިނިކަމެއް، އަރާމެއް ފޯރުކޮށެއްނުދެއެވެ.
ފުޅަލިގަނޑު ބަނދެލުމަށްފަހު އޭނާ ގޮސް ގޭ ބިތްދަށު ކަނުގައި އިށީނދެއްޖެއެވެ. ނޫނެކެވެ. ރަނގަޅަށް އިށީނދެވޭ ވަރެއް ނުވެއެވެ. ފުޅަލިގަނޑުގައި މީހަކު ހިފައިފިއެވެ. ލިބުނު ސިހުމާ އެކު، ޝަނޫރާގެ ހިތް ބޭރަށް ފުންމައިލި ކަހަލައެވެ. ގޭގެ ކަނުގައި އޭނާ އިށީނދެ ކުރުގެޅިލިއެވެ. ދެ ކަކޫ ކޮޅަށް ޖެހުމަށްފަހު ދެ ކަކުލުގައި ބާރަށް ދެއްދިއެވެ.
ޝަނޫރާއަށް އިތުރު ސިހުމެއް ލިބުނީ، އެ މީހަކު ފުޅަލިގަނޑު ތަޅުވައިގަތުމުންނެވެ. ޔަގީނެވެ. އެއީ އެ ބިރުވެރި އެއްޗެވެ. އެ އެތި އެ އުޅެނީ ގަދަކަމުން ދޮރު ހުޅުވާށެވެ. ގެއަށް ވަންނާށެވެ. ޝަނޫރާއަށް ހުރިހައި ކަމެއް އެނގުނީކަން އެ އެއްޗަށް އެނގުނީއެވެ. އެ އެތި ވަދެ ޝަނޫރާއަށް ހަދާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. ޝަނޫރާއަށް އިނދެވުނީ، ދެ ލޯ ބޮޑުކޮށްގެން އެ ދިމާއަށް ބަލާށެވެ. އަނގަމަތީގައި އަތް އަޅައިގެންނެވެ.
މާ ގިނައިރަކު އެ ފުޅަލިގަނޑު ތަޅުވާކަށް އެ އެއްޗެއް ނުހެދިއެވެ. ވަރަށް ފަސޭހަކަމާ އެކު ފުޅަލިގަނޑު ނައްޓާލައިފިއެވެ. ދޮރު ހުޅުވައިފިއެވެ. އެ ވަގުތު ޝަނޫރާގެ ހިތް ތެޅިގަތްވަރުން ހީވީ ބޭރަށް ފުންމައިލިހެންނެވެ.
ދެ ލޯ ބޮޑުކޮށްގެން އެ ދިމާއަށް ބަލަހައްޓައިގެން އިން ޝަނޫރާއަށް ފެނުނީ ރިޟުވާނެވެ. ރިޟުވާނުގެ މޫނުމަތިން ފެންނާން ހުރީ ހާސްވުމާއި ކަންބޮޑުވެފައި ހުރި ކަމުގެ އަލާމާތްތަކެކެވެ.
“ތީ ކާކު؟” ޝަނޫރާގެ އަޑުގައި ހުރީ ހަރުކަށި ރާގެކެވެ. މޫނުމަތިން ފެންނަނީ ބިރާއި ސިހުމެވެ.
“މީ….؟” ރިޟުވާނު އަތްޖައްސައިލީ އޭނާގެ މޭގައެވެ. ހިނިއައިސްފައި ހުރެއެވެ. “މިހާރު މަގޭ ގޮތް ވެސް ނޭނގޭކަމަށް ތި ހަދަނީތަ؟” ރިޟުވާނު ކުރިއަށް ހިނގައިގަތެވެ.
“ތީ… ތީ… ރިޟުވާނެއް ނޫން! މަގޭ… މަގޭ… ގާތަށް ނާ… ނާދޭ! ތީ… ބިރުވެރި…” ޝަނޫރާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އުޅުނީ ދުވެފައި ގެއިން ނިކުންނާށެވެ.
“ކޮން ތާކަށް؟” ޝަނޫރާ ދުއްވައިގަތުމާ އެކު، ރިޟުވާނު ވަގުތުން އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ޝަނޫރާގެ ދެ ލޯ ބޮޑުވިއެވެ. ބިރުން ތެޅިފޮޅެގަނެވުގަނެވެ.
“މަގޭ އަތުން ދޫކޮށްލާ!” ޝަނޫރާގެ އަޑު ބާރުވިއެވެ.
“އޭތް ޝަނޫ! ކިހިނެއް ތި އުޅެނީ؟ ނިކަން ހަމަޖެހިބަލަ!” ރިޟުވާނު އުޅުނީ ޝަނޫރާ ހަމައަކަށް އެޅުވޭތޯއެވެ. އެހެންނަމަވެސް އޭނާގެ ހަޅޭއްލެވުމަކަށް ތެޅިފޮޅުމަކަށް ބަދަލެއް ނައެވެ.
“ޝަނޫ! މައިތިރިވެބަލަ! އަޑުއަހާބަލަ!” ރިޟުވާނު ވެސް ހަޅޭއްލަވައިގަތެވެ. އެއާ އެކު ޝަނޫރާގެ އަޑު ކެނޑުނެވެ. ހަމަހިމޭންވިއެވެ. “ޝަނޫއަށް ހީވަނީތަ އަހަރެން ޝަނޫއަށް އަނިޔާވެރިވެދާނޭ!” ރިޟުވާނުގެ ނަޒަރު ހުއްޓިފައި ހުރީ ޝަނޫރާގެ މޫނަށެވެ. “އަހަރެން ދެކެ ބިރުނުގަނޭ! އިންސާނަކަށް ނުވިޔަސް، އަދި ރިޟުވާނަށް ނުވިޔަސް، ޝަނޫރާއަކަށް އަހަރެން ދެރަގޮތެއް ނަހަދާނަން! ހިތްދަތިކަމެއް ނުދޭނަން!”
ޝަނޫރާއަށް ހުރެވުނީ ރިޟުވާނާ ދިމާއަށް ކަޅިޖަހައިނުލައި ބަލާށެވެ. އޭރު މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. މާނޭވާ ލެވެމުންދެއެވެ. މޭ އުފުލިފައި ތިރިވެއެވެ. ހީވަނީ ބުރަ މަސައްކަތެއްކޮށް ވަރުބަލިވެފައި ހުރި މީހެއް ހެންނެވެ. އޭރު ވެސް ރިޟުވާނު ހުރީ ޝަނޫރާގެ އަތުގައި ހިފަހައްޓައިގެންނެވެ.
ރިޟުވާނުގެ މޫނަށް ބަލަހައްޓައިގެން ހުއްޓާ ޝަނޫރާއަށް ކުއްލިއަކަށް ފެންނާންފެށީ، ރިޟުވާނުގެ ސިފަ އެއްކޮށް ބަދަލުވެފައި ހުރިތަނެވެ. ކުރިން ވެސް ފެނުނު ބިރުވެރި ސިފައަށެވެ. އެއާ އެކު އަނެއްކާ ވެސް ޝަނޫރާއަށް ބިރުން ހަޅޭއްލަވައިގެންފައި ތެޅިފޮޅިގަނެވުނެވެ. ރިޟުވާނާ ދިމާއަށް ބަލަން ނުކެރިގެން ދެ ލޯ މަރައި ފިއްތައިގެން ހުރެއެވެ.
“ޝަނޫރާ!” ޝަނޫރާއަށް ވުރެ ބާރަށް ރިޟުވާނު ހަޅޭއްލަވައިގަތެވެ. “މިހާރު ކަންތައް ތި މާ ބޮޑުކޮށްލެވެނީ އިނގޭ!” ޝަނޫރާގެ އަޑު މަޑުވިއެވެ. އޭނާއަށް ލޯ ހުޅުވައި ރިޟުވާނާ ދިމާއަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާއަށް ފެނުނީ ރިޟުވާނުގެ އަސްލު ސިފައިގައެވެ.
“އާނ، އަހަންނަކީ ރިޟުވާނެއް ނޫން! އަހަންނަކީ އިންސާނެއް ވެސް ނޫން!” ރިޟުވާނުގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. “އެކަމަކު އެކަމުން ޝަނޫރާއަށް ލިބޭނެ ގެއްލުމެއް ނޯންނާނެ! ރިޟުވާނަށް ވުރެ، މާ ހެޔޮކޮށް އަހަރެން ޝަނޫއަށް ކަންތައްތައް ކޮށްދޭނަން. ޝަނޫ ނުޖެހޭނެ ބިރުގަންނާކަށް.”
ރިޟުވާނުގެ އަޑު ކަންފަތުގައި ޖެހުމާ އެކު، ޝަނޫރާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވަކީން ބޮޑުވިހެން ހީވެއެވެ.
“ދެން….. ދެން ރިޟުވާނު ކޮބާ؟”
“އޭނާގެ ވާހަކަ ނުދައްކާ!”
“ދައްކާނަން! އެއީ… އެއީ މަގޭ ފިރިމީހާއޭ!” ޝަނޫރާގެ އަޑު ބާރުވިއެވެ.
“ފިރިމީހާއޭ؟” ރިޟުވާނުގެ އަޑުގައި މި ފަހަރު ހުރީ މަލާމާތުގެ ރާގެވެ. “ކޮން ކަހަލަ ފިރިއެއް އެއީ؟”
“އެއީ މީހަކާ ބެހޭ ކަމެއް ނޫން!”
“އެއީ ބޮޑު އަނިޔާވެރިއެއް؟ “
“ތީ މާ ބޮޑު އަނިޔާވެރިއެއް!” ޝަނޫރާ ބާރަށް ހަޅޭއްލަވައިގަތެވެ.
“ތިހެން ނުބުނޭ! އަހަރެން ޝަނޫއަކަށް އަނިޔާއެއް ނުކުރަން! ނުވެސް ކުރާނަން.” މި ފަހަރު ރިޟުވާނުގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.
“ކޮބާހޭ ރިޟުވާނު؟” ރިޟުވާނުގެ އަތުގެ ތެރެއިން އަތް ދަމައިގަންނަން މަސައްކަތްކުރަމުން ޝަނޫރާ އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ.
“އޭނަ މަރާލައިފިން.” ރިޟުވާނު ހަމަޖެހިލާފައި ބުންޏެވެ.
“މާރާލައިފީމޭ؟” ޝަނޫރާ ސިހުނެވެ. ދެ ލޯ ބޮޑުވިއެވެ. އޭނާ ހުރީ ހުއްޓުން އަރާފައެވެ.
“އާނ! އަހާބަލަ ކީއްވެތޯ މަރައިލީ؟”
ޝަނޫރާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އެހެން ހުއްޓާ އޭނާގެ ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ.
“އެއީ ޝަނޫއަށް ޓަކައި ކުރިކަމެއް! ޝަނޫގެ ރައްކަލަށް ޓަކައި.”
“އަހަރެންގެ އަތުން ދޫކޮށްލާ!” ޝަނޫރާ ތެޅިގަތެވެ. އުޅުނީ އޭނާގެ އަތުގެ ތެރެއިން ވީއްލިގަންނާށެވެ.
“ނުކުރާނަން! ދުވަހަކު ވެސް ނުކުރާނަން! އަހަރެން މި އަތުގައި ހިފީ ދޫކޮށްލާ ގޮތަކަށް ނޫން! އަހަރެން ޝަނޫދެކެ ވަރަށް ލޯބިވޭ! ރިޟުވާނުގެ ދުވަސް ދުއްވާލަން އަހަންނަށް މަޖުބޫރުކުރީ ޝަނޫ ދެކެ އަހަރެން ވާ ލޯބި. އޭނާ ޝަނޫއަށް އަނިޔާވެރިވާތަން ފެނުނީމަ، އަހަންނަށް ކެތްނުވީ. އަހަރެން ދުވަހަކު ވެސް ޝަނޫއަކަށް އަނިޔާއެއް ނުކުރާނަން.” ރިޟުވާނު ވާހަކަ ދައްކަމުން ގެންދިޔައީ މަޑުމައިތިރިކަމާ އެކުގައެވެ.
“ތި ކުރާ އަނިޔާ ކުޑަތަ؟” ޝަނޫރާ މިހާރު ބިރުގަންނަހެނެއް ހިޔެއް ނުވެއެވެ. އަންނަނީ ރުޅިއެވެ. “އަހަރެންގެ އަތުން ދޫކޮށްލާ!”
ރިޟުވާނުގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން، ޝަނޫރާ ދުއްވައިގެންފިއެވެ. ރިޟުވާނު ހަމަ އެ ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ޝަނޫރާ ގެއިން ނިކުމެގެން ދާ ތަން ބަލާށެވެ.
ޝަނޫރާ އެ ގެއިން ނުކުތްގޮތަށް ދުއްވައިގެންފިއެވެ. މިސްރާބެއް، ވަކި މަންޒިލެއް ނެތިއެވެ. ބޭނުންވަނީ އެ ބިރުވެރިކަމުން ސަލާމަތްވާށެވެ. އެ އަނިޔާވެރިކަމުން މިންޖުވާށެވެ.
ވަލުތެރޭގައި އޭނާ ދުވަމުން ގެންދިޔައެވެ. މާނޭވާލަމުންނެވެ. ވަރުބައްޔަކަށް ވެސް މަޑުކޮށްނުލައެވެ. އޭނާ ބޭނުންވަނީ ގޮނޑުދޮށަށް ފައިބާށެވެ. އެހެންނަމަވެސް ދުވެދުވެ ވަރުބަލިވި އިރު ވެސް، ގޮނޑުދޮށަކަށް ނުފޭބުނެވެ. ވަލަކުން ނުނިކުމެވުނެވެ. އޭނާ ހިތްވަރުކޮށްފައި ކުރިއަށް ދިޔައެވެ. ބައެއް ފަހަރު ގަސްގަހުގައި ލައިގަނެއެވެ. އެހެންނަމަވެސް ހަނދުވަރުގެ ދީލަތި އެހީތެރިކަން ލިބެމުންދާތީ ގިނަ ފަހަރު ސަލާމަތްވެވެއެވެ.
ވަކި ހިސާބަކަށް ދިޔަތަނާ، ޝަނޫރާގެ ފައި އެއްޗެއްގައި އަޅައިގެންފިއެވެ. އެއާ އެކު އޭނާ ބަނޑުވަތަށް ކަހަލަ ގޮތަކަށް ވެއްޓިޖެހިއްޖެއެވެ. އެ އެއްޗެއްގައި ފައި ޖެހުނު ގޮތުން ވެސް، އެއީ ގަހެއް ނޫނީ ގަހެއްގެ ގޮތްޕެއް، މުލެއް ކަހަލަ އެއްޗެއް ނޫންކަން ކަށަވަރުވިއެވެ. އެ ކަހަލަ އެއްޗެއްގައި ހުންނާނޭ ކަހަކަ ހަރުކަމެއް އޭގައި ނެތްކަން އިހުސާސް ކުރެވުނީމައެވެ.
ޝަނޫރާ ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވިއެވެ. އެ އަޅައިގަތް އެއްޗާ ދިމާއަށް ވަގުތުން ބަލައިލެވުނެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ ކޮކާ ހަނދުވަރު، އެ އެއްޗަކަށް އެޅިފައިވާތީ، އެއީ ކޮން އެއްޗެއްކަން ދެނެގަންނާކަށް އޭނާއަކަށް ދައްޗެއް ނުވިއެވެ. އެއީ އިންސާނެއްގެ ހަށިގަނޑެވެ. ފިރިހެނެކެވެ. އޮތީ ބަނޑުވަތަށެވެ. ދިރިހުރިކަމެއް ނެތްކަމެއް ނޭނގެއެވެ.
ގަތް ބިރެއްގެ ބޮޑުކަމުން، ޝަނޫރާއަށް ރޮއިގަނެވުނެވެ. ހަޅޭއްލަވައިގަނެވުނެވެ. އަވަސްއަވަހަށް ފުންމައިގެން ތެދުވާން ހަދައިގެން، އަނެއްކާ ވެސް ވެއްޓިއްޖެއެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ތެދުވެގެން ދުއްވައިގެންފިއެވެ. އޭރު އޭނާގެ ހިތުގެ ބިރުވެރިކަން ވަނީ ކުރިއަށް ވުރެ މާ ބޮޑުވެފައެވެ.
ގޭތެރެގައި ހުރި ރިޟުވާނުގެ މޫނުމަތީގައި، ކުރިން ހުރި އޯގާވެރިކަމާއި މަޑުމައިތިރިކަން މިހާރު ވަނީ ފިލައިފައެވެ. އޭގެ ބަދަލުގައި އެ މޫނަށް ވެރިވެގަތީ ރުޅިވެރިކަމެވެ. އެއާ އެކު އެ މޫނުގެ ސިފަ ވެސް ބަދަލުވެއްޖެއެވެ. ނާމާން ސިފައަކަށެވެ. ދެ ލޯ ބޮޑުކޮށްގެން އިރުކޮޅަކު ބޭރަށް ބަލާން ހުރެފައި، ބާރުބާރަށް ހިނގައިގެންފިއެވެ. އެހެންނަމަވެސް އޭނާ އަޅާ ފިޔަވަޅަށް ވުރެ، އޭނާގެ ހިނގުން ހަލުތްވެވެ. އަޅާ ކޮންމެ ފިޔަވަޅަކުން، ދެ ފިޔަވަޅުގެ ޖާގަ ކަޑައްތުކުރެއެވެ.
ބިރުން ތެޅެމުން ފޮޅެމުން ދުވަމުން ދިޔަ ޝަނޫރާއަށް ގޮނޑުދޮށަށް ފޭބިއްޖެއެވެ. ގުނބު ހިލިފައިވާ ޝަނޫރާގެ ހިތަށް ލުޔެއް ލިބުނުކަމުގެ އިހުސާސެއް ކުރެވުނެވެ. އެހެންނަމަވެސް އެހައިތަނުން އޭނާގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ދެން ހިނގައިގަންނާނީ ކޮން ދިމާއަކަށް ހެއްޔެވެ؟ ވަށައިގެން އޮތީ ކަނޑެވެ. ފުންމިން އެނގުންނުވާ ބިޔަ ކަނޑެވެ. ފެންނަމުން ދަނީ ހަނދުވަރުގެ ރިހިއަލީގައި ހުޅިލަމުން ދާ ބިޔަ ރާޅުތަކެވެ.
ޝަނޫރާ ކޮޅުމަގަށް އަރައިފިއެވެ. ގޮތް ހުސްވެއްޖެއެވެ. އެންމެ ފަހުން އޭނާއަށް ހިނގައިގައިގަނެވުނީ، ހޭޅިއާ ދިމާއަށެވެ. އެ ދިޔަ ގޮތަށް ގޮސް ހޭޅިކައިރީގައި އިށީނދެއްޖެއެވެ. އިށީނނީއެއް ނޫނެވެ. ވެފައި ހުރި ވަރުބައްޔާ އެކު އެތަނަށް ވެއްޓިގަނެވުނީއެވެ.
ކުއްލިއަކަށް ޝަނޫރާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ހިތް ތެޅިގެންފިއެވެ. އިނދެވުނު ތަނާ މެދު ރަނގަޅަށް ވިސްނައިލެވުނީ އެ ވަގުތުއެވެ. އެއާ އެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ފުރަތަމަ ވެސް އެނބުރި ބަލައިލެވުނީ ހޭޅިއަށެވެ. ތަފާތު މަންޒަރެއް ނުފެނުނެވެ. ފެނުނީ އަމާންކޮށް އޮތް ހޭޅިއެކެވެ. އެހެންނަމަވެސް އޭނާއަށް ދުއްވައިގެނެވުނީ ހޭޅިއާ ދުރަށެވެ. މޫދާ ދިމާއަށެވެ.
ޝަނޫރާއަށް ރޮވޭން ފަށައިފިއެވެ. މިއީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ ރޮމުންރޮމުން ގޮސް އޭނާއަށް އިށީނދެވުނީ ރާޅުފެނުގައެވެ. އެއްގަމަށް ވުރެ ކަނޑު ވެސް މިއަދު އޭނާއަށް އަމާނެވެ. ރައްކާތެރިއެވެ. އެ ތަނުގައި އިން އިރު ވެސް އޭނާއަށް ބެލެނީ ރަށާދިމާއަށެވެ. ހޭޅިއަށެވެ. ހިތް ބުނަނީ އިރުކޮޅަކުން ރިޟުވާނުގެ ސިފައިގައި އެ އުޅޭ އެތި އެ ތަނަށް އަންނާނޭ ކަމަށެވެ.
ރާޅުފެނުގައި ސިހިސިހި އިންދައި އައި ޚިޔާލަކާ އެކު، ޝަނޫރާ ފުންމައިގެން ތެދުވެއްޖެއެވެ. ދުއްވައިގަތީ ހޭޅިއާ ދިމާއަށެވެ. ބޭނުންވަނީ ހޭޅިއަށް ވަދެ ބޮނދާށެވެ. އެ ބިރުވެރި މަޚުލޫޤަށް ފިލާށެވެ. އެހެންނަމަވެސް ހޭޅިއާ ދިމާއަށް އޭނާއަށް އެޅުނީ ދެތިން ފިޔަވަޅެކެވެ. ކުރިއަކަށް ނުދެވުނެވެ. ހިތަށް ވެރިވި އެއްޗެހިތަކެއް އޭނާ ހުއްޓުވީއެވެ. އޭނާގެ ޚިޔާލީ ލޮލަށް ފެނުނީ ހޭޅިތެރެއިން ފެނުނު ހަށިގަނޑެވެ. ބޮޑަށް ވައްތަރީ ފުރާނަ ނެތް މަސްގަނޑަކާއެވެ. އެ ފަދަ ދެވަނަ މަންޒަރެއް ފެންނާކަށް އޭނާއެއް ނޭދެއެވެ. އެ ފަދަ ނުރައްކާތެރި ވަލަކަށް ވަންނާކަށް ނުކެރުނެވެ.
އިތުރު ވިސްނުމަކަށް ދާންޖެހިއްޖެއެވެ. އިރުކޮޅަކު އެހެން ހުރެފައި، އެ ހުރި ތަނުގައި އިށީނދެ، ދެ އަތުން ވަޅުގަނޑެއް ކޮންނާން އޭނާ ފަށައިފިއެވެ. ވަރަށް ބޮޑުކޮށެވެ. ފަސްވަރަކަށް މިނެޓްތެރޭގައި، ދިގުމިނުގައި އޭނާގެ އިސްކޮޅު ހުންނަވަރުގެ ހިމަ ދިގު ވަޅުގަނޑެއް ކޮނެ ނިންމާލައިފިއެވެ. އެއަށްފަހު ވަށައިގެން ހޯދައި ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި އޮތް ފަންކުރިއެއް ފެނިގެން އެ ގެނެސް، އެތާ ކައިރީގައި ބާއްވާފައި، ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ނަޒަރު ހިންގައިލައިފިއެވެ. އެ ބިރުވެރި މަޚުލޫޤު ފެނޭތޯ ބަލައިލި ކަހަލައެވެ.
ދެން ފެނުނީ އެ ވަޅުގަނޑުގެ ތެރޭގައި އޭނާ އިށީންތަނެވެ. ދެ ފައި ދަމާލައިގެންނެވެ. އެއަށްފަހު ވަޅުގަނޑުގެ އެއްފަރާތުގައި ހުރި ވެލިތައް އަތުން ކަހައި، އޭނާގެ ދެ ފައި މައްޗަށް އަޅާންފެށިއެވެ. އިސާހިތަކު އުނަގަނޑުން ތިރި ވަޅުލައިފިއެވެ. އަށްފަހު އޮށޯވެ އޮވެ ގައިމައްޗަށް ވެލިއަޅާންފެށިއެވެ. ކަނާތާއި މޫނު ފިޔަވައި، މުޅި ހަށިގަނޑު އެއްކޮށް މިހާރު ވަޅުލެވިއްޖެއެވެ.
ޝަނޫރާގެ މޫނަށް ހަނދުވަރުގެ އަލި އެޅިފައިވާ އިރު، ދެ ލޮލުން ފައިބާފައި ހުރި ކަރުނަތައް ވިދާތަން ފެނެއެވެ. ތާޒާކަން ގެއްލި މިލައި މޯލިވެފައިވާ އެ މޫނުގައި ބޮސްދޭން ނުކެރި، ހަނދުވަރު ވެސް އޭނާއާ އަލްވަދާއު ކިޔައިފިއެވެ. އުޑުމަތީގައި ފެތުރިފައިވާ ބޯ ވިލާގަނޑެއްގެ އެހީ ހޯދައިގެންނެވެ.
އެހެން އޮވެފައި ބޯ އުފުލައިލި ވަގުތު، ކުއްލިއަކަށް ޝަނޫރާއަށް ފެނުނީ ތަންކޮޅެއް ދުރުން، ހޭޅިތެރެއިން ގޮނޑުދޮށަށް މީހަކު ފޭބިތަނެވެ. ލިބުނު ސިހުމާ އެކު ޝަނޫރާއަށް އެ ދިމާއަށް ރަނގަޅަށް ބަލައިލެވުނެވެ. ފެނުނީ ރިޟުވާނެވެ. އެއްވެސް ތަފާތެއް ނެތެވެ. ހިތަށް ލިބުނު އުފަލާ އެކު ޝަނުރާއަށް އުޅެވުނީ ތެދުވާށެވެ. އެހެންނަމަވެސް އޭގެ ކުރިން އޭނާއަށް ހަމަހޭވެރިކަން ލިބިއްޖެއެވެ. މި ވަގުތު އަމިއްލަ ލޮލަށް އިތުބާރު ނުކުރާށެވެ! ކެއްސެއް ލިބިދާނެއެވެ. ތި އޮތްގޮތަށް މަޑުމަޑުން އޮންނާށެވެ!
އިރުކޮޅަކު އެހެން ހުރެފައި ރިޟުވާނު ކުރިއަށް ހިނގައިގެންފިއެވެ. ޝަނޫރާ އޮތް ދިމާއަށެވެ. މި މަންޒަރު ފެނުމާ އެކު އޭނާ އަވަސްއަވަހަށް ކައިރީގައި އޮތް ފަންކުރި މަޑުމަޑުން ގެނެސް، އަޅައި އަތާއި މޫނު ނިވާކޮށްލައިފިއެވެ. މިހާރު އޭނާއަކަށް ރިޟުވާނެއް ނުފެނެއެވެ. އެހެންނަމަވެސް އޭނާ އެ ދިމާއަށް އަންނަކަން ކަށަވަރެވެ. ރިޟުވާނަށް އޭނާ އެ ތަނުގައި އޮއްވާ ފެނުނީ ކަންނޭނގެއެވެ.
ޝަނޫރާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. ތެތް ވެލިގަނޑެއްގެ ތެރޭގައި އޮތް ނަމަވެސް ހަށިގަނޑު އަންނަނީ ހޫނުވަމުންނެވެ. ނޭވާ ހިފަހައްޓާލައިގެން އެހެން އޮއްވާ، އިރުކޮޅަކުން އޭނާއަށް ރިޟުވާނު ފެނިއްޖެއެވެ. މޫނުމަތީގައި އޮތް ފަންކުރީގެ ދެ ފަންވަތު ދޭތެރެއިންނެވެ. ރިޟުވާނު ހުރީ އޭނާއާ ވަރަށް ކައިރީގައެވެ. އެ މަންޒަރު ފެނުމާ އެކު ޝަނޫރާގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގެންފިއެވެ. ތެޅިގަތްވަރުން ހީވީ ހުއްޓިދާނެހެންނެވެ. އޭނާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ދެ ލޯ މަރައި ފިއްތާލެވުނެވެ.
އެ ގޮތަށް ލޯ މަރައިގެން މާ ގިނައިރު އޮންނާކަށް ވެސް ނުކެރުނެވެ. ލޯ ހުޅުވައިލެވިއްޖެއެވެ. އޭރު ވެސް ހަމަ އެ ފިޔަވަޅުމަތީގައި ރިޟުވާނު ހުއްޓެވެ. ފެނުނީ އެކި ދިމަދިމާއަށް ކަޅި އުކަމުން ގެންދާތަނެވެ. ނަސީބަކުން ރިޟުވާނަކަށް އޭނާއެއް ނުފެނެއެވެ. އެކަން އެނގުމުން އޭނާގެ ހިތަށް ލުޔެއް ލިބުނެވެ.
އިރުކޮޅަކުން ފެނުނީ ރިޟުވާނު ކުރިއަށް ހިނގައިގަތްތަނެވެ. އޭނާ އެ އުޅޭ ގޮތުން އެނގެނީ، އޭނާ އެ އުޅެނީ ޝަނޫރާ ހޯދަންކަމެވެ. ޝަނޫރާ ދިޔަ ތަނެއް ނޭނގިގެންނެވެ. ހަނދުވަރުގެ އަލިން ދުނިޔެ މަޙުރޫމުވެފައިވާ ވަގުތަކަށް ވީކަން އެއީ ޝަނޫރާއަށް ލެއްވި ނަސީބެކެވެ. އެހެންނޫންނަމަ ދެންމެ ރިޟުވާނަށް ޝަނޫރާ ފެނުނީހެވެ.
ޝަނޫރާގެ ލޯމަތިން ރިޟުވާނު ގެއްލި އިރުކޮޅެއްވެއްޖެއެވެ. ޝަނޫރާ މަޑުމަޑުން މޫނުމަތީގައި އޮތް ފަންކުރި އެއްފަރާތްކޮށްލިއެވެ. މިހާރު ހަމަ ގައިމު ވެސް އޭނާ ވަރަށް ދުރަށް ހިނގައިދާނޭހައި އިރު ކޮށްފައެވެ. ފަންކުރި އެއް ފަރާތްކޮށްފައި އޭނާ ބޯ އުފުލައިލިއެވެ. އެ ވަގުތު އޭނާގެ ގަޔަށް ފާޑެއްގެ ހީލިގަނޑެއް އަރައިގެން ދިޔައެވެ. ލިބުނު ސިހުމާއި ގަތް ބިރެއްގެ ބޮޑުކަމުންނެވެ. ރިޟުވާނު އޭނާއާ ވަރަށް ގާތުގައި ހުރިތަން ފެނިފައެވެ. އޭނާ އަވަސް އަވަހަށް ބޯ ތިރިކޮށްލިއެވެ. ނޭވާ ހިފަހައްޓާލައިގެން އޮވެ، ވަރަށް މަޑުމަޑުން އެހައިމެ ސިއްރުން، އެއްކަލަ ފަންކުރި، ކުރިން ވެސް އޮތްގޮތަށް އަޅައިފިއެވެ.
ޝަނޫރާ އޮތީ ހަދާނޭ ގޮތެއް ނޭނގިފައެވެ. އޭނާގެ ހިތް ތެޅެމުންދެއެވެ. ވަރަށް ބާރަށެވެ. ރިޟުވާނު ދިޔައީކަމެއް އެ ހުރިތާނގައި ހުރީކަމެއް ނޭނގެއެވެ. ހަދާނޭ ގޮތެއް ކުރާނޭކަމެއް ނޭނގި ކެތްތެރިވެލައިގެން އެހެން އޮއްވާ، އަނެއްކާ އަނެއް ކަންތައް ލައިގެންފިއެވެ. އޭނާގެ އަތާ ދިމާއިން ފަންކުރި މައްޗަށް ކަކުންޏެއް އަރައިފިއެވެ. އެ ފަންކުރިއަކީ ނުލާހިކު ހިމަހިމަ ފަންވަތްތަކެއް ކުރި ފަންކުރިއެކެވެ. އޭގެ މައްޗަށް އެރީ ހެޔޮވަރުގެ ބޮޑު ކަކުންޏެކެވެ.
ކަކުނި އޭގެ މައްޗަށް އެރިތަން ފެނިފައި، ޝަނޫރާގެ ހިތަށް އެހެން ބިރުވެރިކަމެއް ވަދެއްޖެއެވެ. އޭނާއަށް އޮވެވުނީ އޭތީގެ ހަރަކާތްތަކަށް ބަލާށެވެ. އޭތި މަޑުމަޑުން ދުވަމުން، ހުއްޓެމުން ކަހަލަ ގޮތަކަށް އެ އަންނަނީ، އޭނާގެ މޫނާ ދިމާއަށެވެ. މޫނާ ކައިރިވަމުން އައި ވަރަކަށް، ޝަނޫރާގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ.
މިހާރު އެ ސޮރު އައިސް އެ މަޑުކޮށްލީ، އޭނާގެ ހަމަ ސީދާ މޫނާ ދިމާއަށެވެ. އެ ސޮރަށް ހެލިލެވޭ ގޮތަކުން ވެސް ވެއްޓިދާނެއެވެ. ވެއްޓެންޏާ ވެއްޓޭނީ ހަމަ ސީދާ އޭނާގެ މޫނުމައްޗަށެވެ. ވެއްޓުމާ އެކު މޫނުމަތީގެ އެތަން މިތާގައި ދައި ވެސް ގެންފާނެއެވެ. މިހެން ހިތަށް އެރުމާ އެކު، އޭނާއަށް ފުރަތަމަ ވެސް އުޅެވުނީ ފުންމައިގެން ތެދުވާށެވެ. އެހެންނަމަވެސް އެ ވަގުތު އެ ކަމަށް ހުރަސްއެޅީ، އޭނާގެ ހަވަނަ ހިއްސެވެ.
ނުތެދުވާށެވެ! މަޑުމަޑުން އޮންނާށެވެ! ތެދުވެގެން ދުއްވައިގެންފި ނަމަ، ތިއަށް ވުރެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެއެވެ. ރިޟުވާނުގެ ސިފައިގައި އައިސް އެ އެނބުރެނީ އިންސާނެއް ނޫނެވެ. ކަލޭގެ ލެއަށް ދަހިވެތިވެގެން އުޅޭ ނުބައި މަޚުލޫޤެކެވެ.
ޝަނޫރާގެ ހަރަކާތް ހުއްޓި، މީހާ ވަގުތުން ހިމޭންވެއްޖެއެވެ. އޭނާ އޮތީ ލޯ ބޮޑުކޮށްގެން، ލޮލާ ދިމާ މަތީގައި އޮތް ކަކުންޏަށް ބަލާށެވެ. އެހެން އޮއްވާ ހަނދުވަރުގެ ރިހި އަލިން، މުޅި ތަން ދިއްލާލައިފިއެވެ. ދެ ފަންވަތް ދޭތެރެއިން ފުރޭނިގެން، އޭނާގެ މޫނަށް ވެސް ހަނދުވަރުގެ އަލިކަން ފޯރައިފިއެވެ. އެ ވަގުތު ކަކުނި ވެސް އެހެން އޮވެފައި ކުރިއަށް ފިވަޅެއް އަޅައިފިއެވެ. ދެވަނަ ފިޔަވަޅު އެޅުނު ފަންވަތުގައި އެ ސޮރު ހިފަހައްޓާހައި ބާރެއް ހުރިކަމަކަށް ނުވިއެވެ. ވަގުތުން އެ ސޮރު އަރިއަޅާލައިފިއެވެ. ނުވެއްޓި ސަލާމަތްވެވޭތޯ ކުރި މަސައްކަތް ފެނަށްވެ، ޝަނޫރާގެ މޫނުމައްޗަށް އެ ސޮރު ވެއްޓިއްޖެއެވެ.
ޝަނޫރާއަށް ތެޅެގަނެވުނެވެ. ހަޅޭއްލަވައިގެންފައި ފުންމައިންގެން ތެދުވެ، އަވަސްއަވަހަށް އެ ތަނުން ދުރަށް ދުއްވައިގަނެވުނެވެ. ފިޔަވަޅަށް ހުއްޓުން އެރީ ތަންކޮޅަކަށް ގޮސްފައެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، އޭނާ ކުރިން އޮތް ވަޅުގަނޑާ ދިމާއަށެވެ. މޭގައި އަތް އަޅައިގެން ހުރެ، ފުންފުންކޮށް ނޭވާލަމުން ދިޔަ އިރު، ދެ ހުރީ ލޯ ބޮޑުވެފައެވެ.
ޝަނޫރާގެ ހަނދާނަށް ރިޟުވާނު އައީ، ކުޑަ އިރުކޮޅެއް ފަހުންނެވެ. އޭނާއަށް ވަގުތުން ރިޟުވާނު ކުރިން ހުރި ދިމާއަށް ބަލައިލެވުނެވެ. ފާޑަކަށް ސިހިފައެވެ. އެހެންނަމަވެސް އެ ތާކު މިހާރު ރިޟުވާނެއް ނެތެވެ. ޝަނޫރާގެ ހިތަށް ވެރިވި ބިރުވެރިކަމާ އެކު، ވަށައިގެން އެކި ދިމަދިމާއަށް ނަޒަރު ހިންގައިލެވުނެވެ. އެހެންނަމަވެސް އެއްވެސް ދިމާއަކުން ރިޟުވާނެއް އޭނާގެ ލޮލަކު އަޅައެއް ނުގަތެވެ.
ޝަނޫރާއަށް ހުރެވުނީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. ދާންވީ ދިމާއެއް ވަންނާނެ ތަނެއް ނޭނގިފައެވެ. އެހެން ކުއްޓާ، ރަށުގެ އެއްކޮޅުން އޭނާއަށް ރިޟުވާނު އަންނަތަން ފެނިއްޖެއެވެ. އޭނާ އެ އަންނަނީ ޝަނޫރާ ހުރި ދިމާއަށެވެ. އޭނާ ރަށް ވަށައިގެން އެ ހިނގަނީ ޝަނޫރާ ހޯދަން ކަންނޭނގެއެވެ.
ރިޟުވާނުގެ ސޫރަ ފެނުމާ އެކު ޝަނޫރާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެވެ. ސިހުނުލެއް ބޮޑުކަމުން ކުރިއަށް ފިޔަވަޅެއް އަޅަން ވެސް ދަތިވިއެވެ. ބޭނުންވީ ދުއްވައިގަންނާށެވެ. ހޭޅިއަށް ވަދެ ފިލާށެވެ. އެހެންނަމަވެސް ދެ ފައި ހަރަކާތެއް ނުކުރިއެވެ. ދެ ފައި ހީވަނީ އައްސިވެފައި ހުރިހެންނެވެ. ބޮޑުވެފައި ހުރި ދެ ލޮލުން ރިޟުވާނާ ދިމާއަށް ބަލަން ހުރި އިރު، އޭނާގެ ހަތަރެސްފައި އިންތިހާއަށް ރޫރޫލައެވެ.
ރިޟުވާނަށް ޝަނޫރާ ފެނިއްޖެއެވެ. އޭނާ ވަގުތުން ޝަނޫރާއާ ދިމާއަށް ދުއްވައިގެންފިއެވެ. އެ މަންޒަރު ފެނުމާ އެކު ޝަނޫރާއަށް ވެސް ދުއްވައިގަނެވިއްޖެއެވެ. އޭނާ ދުއްވައިގަތީ ހޭޅިއާ ދިމާއަށެވެ. ހޭޅިއަށް ވަންނަމުން އެ ދިމާއަށް ޝަނޫރާ ބަލައިލިއެވެ. އޭރު ރިޟުވާނު ހުރީ އޭނާއާ ސަޅީހަކަށް ފޫޓަށް ކައިރިވެފައެވެ.
ޝަނޫރާ އެ ދިޔަ ގޮތަށް ގޮސް، އެ ތަނުގައި ހުރި މިރިހިފަލެއްގެ ތެރެއަށް ވަނެވެ. ތަންކޮޅަކަށް ގޮސްފައި މިރިހިފާ ތެރޭގައި އޭނާ ބޮނދައިފިއެވެ. އެހެން އޮތް އިރު، ގަސްތަކުގެ ތެރެއިން އޭނާ އަތިރިމަތި އޮތީ ފެންނާށެވެ. އޭނާ އޮތީ ދެ ލޯ ބޮޑުކޮށްގެން އެ ދިމާއަށް ބަލާށެވެ. އޭރު އޭނާއަށް ފުންފުންކޮށް ނޭވާ ލެވެމުންދެވެއެވެ. މިރިހި ފަތްތައް ގައިގައި ޖެހުމުން ގައި ހިރުވާން ވެސް ފަށައިފިއެވެ. އެހެންނަމަވެސް އެ ކަމަކަށް އޭނާއަށް ސަމާލުކަމެއް ނުދެވެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ، އޭނާއާ ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ރިޟުވާނާ ދިމާއަށެވެ. ރިޟުވާނު މަޑުމަޑުން އަންނަތަން ފެންނަނީ އޭނާ އޮތް ދިމާއަށެވެ. އޭނާގެ ފިޔަވަޅަށް ބަލަމުންނެވެ. ހަނދުވަރުގެ އަލިކަން މި ވަގުތު އެހީތެރިވަމުން ދަނީ ރިޟުވާނަށެވެ. ޝަނޫރާ ހޭޅިއަށް ވަދެފައި ހުރި ފިޔަވަޅުތައް ރިޟުވާނަށް ދައްކަމުން ގެންދަނީ ރަހުމެއް ނެތިއެވެ.
ޝަނޫރާގެ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅަމުން، މިރިހިފާ ތެރެއަށް ރިޟުވާނު ވަންނާން ފެށުމުން، ޝަނޫރާއަކަށް މަޑަކުން ނީނދެވުނެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. ހަޅޭއްލަވައިގަންނަމުން ވަލުތެރެއަށް ދުއްވައިގަތެވެ. ގަސްތަކުގައި ޖެހެމުން، ތެޅެމުން ފޮޅެމުން، އޭނާ ދުވަމުން ގެންދިޔައީ ވަކި ގޮތެއް ނުބަލައެވެ. ހަޅޭއްލަވަމުން ރޮމުންނެވެ.
ވަކި ހިސާބަކަށް ގޮސްފައި ޝަނޫރާ ހުއްޓުނެވެ. ވަރުބަލިވެގެން ނުދުވެވިގެންނެވެ. އޭރު އޭނާ ހުރީ މާނޭވާލެވި ގުނބުހިލިފައެވެ. މޭ ނެގިނެގިފައި ޖެހެއެވެ. ކުރިމަތީގައި ހުރި ގަހުގެ އެހީގައި އޭނާ މަޑުމަޑުން އެނބުރި ފަހަތަށް ބަލައިލިއެވެ. ރިޟުވާނު ފެންނާކަށް ނެތެވެ. އޭނާ އަވަސްއަވަހަށް އެކި ފަރާތްފަރާތަށް ބަލައިލިއެވެ. ނުފެނުނެވެ.
ޝަނުރާ ގެންފައިވާ ބިރު އަދި ވަކީން ބޮޑުވެއްޖެއެވެ. ސިހުން އިތުރުވެއްޖެއެވެ. ހިތް ބުނަނީ ހަމަ ކުއްލިއަކަށް ކޮންމެވެސް ދިމާއަކުން އައިސް، ގައިގައި ހިފައިގެންފާނޭ ކަމަށެވެ. ކަނާތްފަރާތުން ވެސް، ވާތްފަރާތުން ވެސް އަތުވެދާނެއެވެ. ކުރިމަތިން ވެސް ފުރަހަގަހުން ވެސް އަތުވެދާނެއެވެ. ނޫނީ މަތިން ވެސް ފުންމައިލަފާނެއެވެ. އޭނާއަށް ހުރެވުނީ ވަށައިގެން އެކި ދިމަދިމާއަށް ކަޅިހޫރަހޫރައެވެ. މައްޗަށް ވެސް ބެލެއެވެ. ވަށައިގެން އޮތީ ބޯ ޖަންގައްޔެވެ. ބޯމަތީގައި ވެސް ގަސްގަހުގެ ބިޔަ ގޮފިތަކެވެ. ގަސްތަކާއި ގޮފިތައް ވަޔާ ހެލިލައި ގޮތުން ވެސް އޭނާގެ ހިތް ހީވަނީ ބިރުން ހުއްޓިދާނެހެންނެވެ.
އެ ފަދަ ބިރުވެރިކަމެއްގެ ތެރޭގައި ކޮޅަކުން ކޮޅަކަށް ގުޑިލާން ނުކެރިފައި ޝަނޫރާ ހުއްޓައި، ކުއްލިއަކަށް ފަހަތުން މީހަކު އައިސް އޭނާގެ ގައިގައި ހިފައިގެންފިއެވެ. އަޑަށް ލެވުނުހައި ބާރެއްލައިފައި ޝަނޫރާ ހަޅޭއްލަވައިގަތެވެ. ތެޅިގެންފައި އެ މީހަކުގެ ކިބައިން ސަލާމަތްވާން އުޅެގަތެވެ. އެހެންނަމަވެސް އެކަމެއް ނުވިއެއެވެ. ވަރަށް ފަސޭހަކަމާ އެކު، އެ މީހަކު އޭނާ އުފުލާލައިފިއެވެ. ނަގައި ބޭއްވީ ކޮނޑުމަތީގައެވެ. ޝަނޫރާ ބާރަށް ހަޅޭއްލަވަމުން، ތެޅިފޮޅެމުން ގެންދިޔައެވެ. އެހެންނަމަވެސް އެ ކަމުން އެ މީހަކަށް ވީ އުނދަގުލެއް ތަކުލީފެއް ނެތެވެ.
އެ މީހަކު ޝަނޫރާ ގޮވައިގެން ގޮސް ފޭބީ ގޮނޑުދޮށަށެވެ. ހެޅިއާ ރާޅުފެނާ ދެމެދަށް ފޭބުމަށް ފަހު، ބިތްމަތީގައި ބަހައްޓައިފިއެވެ. ޝަނޫރާ އަވަސްއަވަހަށް އެ މީހާގެ މޫނަށް ބަލައިލިއެވެ. ޝަނޫރާ ހީކުރި ގޮތަށް، އެއީ ރިޟުވާނެވެ. ގަތް ބިރާ އެކު، ޝަނޫރާ ވަގުތުން ރިޟުވާނު ގާތުން ދުރަށް ދިޔުމަށް ޓަކައި ދުއްވައިގަތެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އޭނާގެ އަތުގައި ރިޟުވާނު ހިފެހެއްޓިއެވެ.
“ޝަނޫ! މަޑުކޮށްބަލަ! ކޮންތާކަށްތަ ދާން ތި އުޅެނީ؟ އަބަދު ތިހެން އުޅޭކަށް ނުވާނެއެއްނު!” ރިޟުވާނުގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. އޯގާވެރިކަމެވެ.
ރިޟުވާނު ކިތަންމެ ލޯބިން ވާހަކަ ދެއްކި ނަމަވެސް، ޝަނޫރާގެ ހަރަކާތަކަށް ބަދަލެއް ނާދެއެވެ. އޭނާ ބިރުން ހުރެ ރޮމުން މަސައްކަތްކުރީ، ރިޟުވާނުގެ ކިބައިން ސަލާމަތްވާށެވެ.
“ޝަނޫ! އަޅެ ރިޟޭ މި ކިޔާ އެއްޗެއް އަޑުއަހާބަލަ!”
ރިޟުވާނުގެ އެ ޖުމުލައާ އެކު، ޝަނޫރާގެ އަޑު ވަގުތުން ކެނޑިއްޖެއެވެ. ހަރާކާތް ހުއްޓިއްޖެއެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްފައި ރިޟުވާނުގެ މޫނަށް ބަލަން ފެށުނެވެ.
“ކީކޭ؟” ބޭއިޚުތިޔާރުގައި ޝަނޫރާއަށް ސުވާލުކުރެވުނެވެ.
“ޝަނޫ! ރިޟޭ ހާދަ އިރެއް ވެއްޖެއޭ ޝަނޫ ހޯދާތާ މިހާރު؟ މިހާރު މުޅި ރަށުގައި ހިނގިއްޖެ. ކީއްވެތަ އަބަދު ރިޟޭއަށް ފިލަން ތި އުޅެނީ؟”
ރިޟޭއޭ ކިޔައިގެން ރިޟުވާނު ވާހަކަދައްކަން ފެށުމުން، ޝަނޫރާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ވާނުވާ ނޭނގިފައެވެ. އިތުބާރުކުރާންވީ ކަމެއް ނުކުރާންވީ ކަމެއް ނޭނގިފައެވެ.
“ހާދަ ވަރަކަށް ތި ބަލަނީ.” ރިޟުވާނު ގާތަށް ހިނިއައެވެ.
“ތީ….. ތީ…… ރިޟުވާނުތަ؟”
“ޝައްކުވަނީތަ؟ އަމިއްލަ ލޮލަށް ވެސް މިހާރު އިތުބާރު ނުކުރެވެނީ؟”
“އަ…. އަ….. އާނ!” ޝަނޫރާ ބޯ ޖަހައިލިއެވެ.
“އެއީ ކީއްވެ؟” ރިޟުވާނު ގާތަށް އަނެއްކާ ވެސް އައީ ހިންޏެވެ.
“ރަނގަޅަށް ބުނޭ! ތީ ރިޟުވާނުތަ؟” ޝަނޫރާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.
“އާނއެކޭ! މީ ރިޟޭއޭ. ޝަނޫގެ ފިރިމީހާ ރިޟޭ. ރިޟުވާނު.” ރިޟުވާނު އަކުރުތަކަށް ބާރުލަމުން ބުނެލިއެވެ.
ޝަނޫރާއަށް އަދި ވެސް ހުރެވުނީ ޝައްކުގެ ނަޒަރަކުން ބަލާށެވެ. އެ ވަގުތު އޭނާގެ ކަންފަތުގައި ގުގުމާންފެށީ ރިޟުވާނުގެ ސިފައިފައި އޭނާގެ ގާތަށް އައިސް އުޅުނު އެތި، އޭނާ ގާތު ބުނި ވާހަކައެވެ. އޭނާ ބުނި ގޮތުން ވިއްޔާ ރިޟުވާނު މިހާރު ދުނިޔެއަކު ނުހުންނާނެއެވެ. އޭނާ ވީ މަރުވެފައެވެ. ދެން މީ ކާކު ހެއްޔެވެ؟ އެ އެތި އޭރު އޭނާ ގާތުގައި ދޮގުހެދީ ހެއްޔެވެ؟ ނޫނީ މިހާރު އައިސް، ދޮގު ހަދަނީ ހެއްޔެވެ؟
“އަދިވެސް ގަބޫލު ނުކުރެވޭތަ؟” ޝަނޫރާ ސިހުނެވެ.
“އަ…. އާނ! ގަބޫލެއް ނުކުރެވޭ! އަހަރެންގެ ހިތް އަދި ވެސް ބުނަނީ، ތީ ރިޟުވާނެއް ނޫނޭ!” ޝަނޫރާގެ އަޑުގައި ހުރީ ޖެހިލުންވުމެވެ.
“ދެން ކިހިނެއް ހަދާނީ ޝަނޫއަށް ގަބޫލުކޮށްދޭން؟ ހިނގާ ރިޟޭއާ އެކު ގެއަށް ދާން! އޭރުން ގަބޫލުކޮށްދޭނަން!”
“އެހެންވިއްޔާ ދެން މިހައި ދުވަސްވާންދެން ކޮންތާކު ރިޟުވާނު ތި އުޅުނީ؟” ޝަނޫރާގެ ހިތުގައި ވަނީ އެތައް ސުވާލެއް އުފެދިފައެވެ.
“ކީކޭތަ ޝަނޫ ތި ކިޔަނީ؟ ރިޟޭއަކަށް ނުވިސްނުނު.”
“އަހަރެން ގާތަށް ނައިސް ރިޟުވާނު އުޅުނީ ކޮންތާކުހޭ؟” ޝަނޫރާގެ އަޑު މި ފަހަރު ކުރިއަށް ވުރެ ބާރުވިއެވެ.
“ރިޟޭ ތަނަކަށް ނުދަމެންނު! އަޅެ ޝަނޫ ތިހިރީ ކިހިނެއް ވެފައިތަ؟ ތީ އަނެއްކާ ޝަނޫތަ؟ ރިޟޭއަށް ވެސް މިހާރު ޝައްކުވާން ފަށައިފި.” ޝަނޫރާ ގެނެސް ގަޔާ ކައިރިކޮށްލަމުން، ރިޟުވާނު ހިނިތުންވެލިއެވެ. “ޝަނޫ! ގަބޫލުކޮށްބަލަ! މީ ރިޟޭއޭ! ރިޟޭ ގެއަށް އައި އިރު، ޝަނޫ ގޭގައި ނެތީމަ މި ނިކުތީ ހޯދަން. މުޅި ރަށް ވަށައި ހިނގިފަހުން މި ފެނުނީ.”
“ގޭގައި ނެތްތަ އެހެން މީހަކު؟” ރިޟުވާނު ގެއަށް ދިޔަ ވާހަކަ ބުނުމާ އެކު، ޝަނޫރާއަށް ބޭއިޚުތިޔާރުގައި އަހައިލެވުނެވެ.
“ކޮން އެހެން މީހެއް؟ މީ އެހެން މީހަކު އުޅޭ ރަށެއް ނޫނެއްނު!”
“ނޫން! ނޫން! ރިޟުވާނަށް ނޭނގުނަސް މި ރަށުގައި އެބަ އުޅޭ ބިރުވެރި އެއްޗެއް. މި ރޭ އަހަންނަށް ވަލުތެރެއިން މަރުވެފައި އޮތް މީހަކު ވެސް ފެނުނު. މީ ވަރަށް ބިރުވެރި ރަށެއް! ހިނގާ މިރަށުން ފުރައިގެން އަވަހަށް ދާން!” ރިޟުވާނުގެ ގައިގައި ޝަނޫރާ ބައްދާލި އިރު އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ޝަނޫރާގެ ޝައްކު ފިލީކަންނޭނގެއެވެ.
“އަސްލު ވެސްތަ؟ ފެނުނުތަ ބިރުވެރި އެއްޗެއް؟” ޝަނޫރާގެ އެ ވާހަކަތައް އިވިފައި ރިޟުވާނު ވެސް ބިރުގަތްހެން ހީވެއެވެ.
“އާނ!”
އެހެންވިއްޔާ މާދަމާ މި ރަށުން ދާންވާނީ. މި ރޭ ހިނގާ ދެން ގެއަށްދާން!” ޝަނޫރާގެ އަތުގައި ހިފައިގެން ރިޟުވާނު ކުރިއަށް ހިނގައިގަތެވެ.
ރިޟުވާނާ އެކު ޝަނޫރާ ކުރިއަށް ހިނގައިގަތެވެ. އޭރު ވެސް އޭނާގެ ސިކުނޑީގައި ނަގައި ހުޅިލާފައިވާ ޝައްކުގެ ރާޅަކަށް، މާ ބޮޑު ބަދަލެއް ނާދެއެވެ. އޭނާގެ ހިތް އެތެރެހަށީގައި އޮވެ ބާރަށް ތެޅެމުންދެއެވެ. އޭނާގެ ހިތް ބުނާން ފަށައިފިއެވެ. ތި ހެދެނީ ގޯހެކެވެ. ތި ދެވެނީ ރިޟުވާނާ އެކުގައެއް ނޫނެވެ. ރިޟުވާނު ވީ މަރައިލާފައެވެ. މިހާރު ތި ދެވެނީ އޭނާގެ ގާތިލުގެ ފަހަތުންނެވެ. އޭނާ އެ އުޅެނީ ކަލޭ ވެސް މަރައިލާށެވެ. ދެން ވެސް އަވަހަށް އޭނާގެ ކިބައިން ސަލާމަތްވާށެވެ!
މި ޚިޔާލުތައް ޝަނޫރާގެ ސިކުނޑީގައި ވަރުގަދަ ހައިޖާނެއް އުފައްދައިފިއެވެ. ހަމަ އެ ވަގުތު އޭނާގެ ސިކުނޑިއަށް، އެހެން ހަނދާނެއް ވެސް ވަދެގެންފިއެވެ. ވަލުތެރެއަށް ވެއްޓިފައި އޮއްވާ ފެނުނު މީހާގެ ހަނދާނެވެ. އެއީ ކާކުބާވައެވެ؟ ހަމަ ގައިމު ވެސް އެއީ އިންސާނެކެވެ. އަނެއްކާ އެއީ ރިޟުވާނުބާވައެވެ؟
ކުރިއަށް ގޮސްގޮސް ހުރި ޝަނޫރާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފިއެވެ. ހިތަށް ވަން ބިރެއްގެ ބޮޑުކަމުން ކުރިއަށް ނުދެވުނީއެވެ.
“ކިހިނެއްވީ؟” ޝަނޫރާ ހުއްޓުމުން ރިޟުވާނު އެނބުރި ބަލައިލިއެވެ.
“ފަޔަށް ތަދުވަނީ.” ހަގީގަތުގައި ވެސް އޭނާގެ ފަޔަށް އެބަ ތަދުވެއެވެ. އެހެންނަމަވެސް އޭނާ ހުއްޓުނީ ފަޔަށް ތަދުވާތީއެއް ނޫނެވެ.
“އެހެންތަ؟”
ރިޟުވާނު އައިސް ޝަނޫރާގެ ގާތަށް ހުއްޓި، ވަރަށް ފަސޭހައިން ދެ އަތްދަނޑިމައްޗަށް ޝަނޫރާ އުފުލައިލައިފިއެވެ. މި ވީ އަދި މާ ގޯސް ގޮތެވެ. އޭނާގެ ބާރުގެ ދަށަށް މުޅިން ދިޔައީއެވެ. ޝަނޫރާގެ ކަންބޮޑުވުން ކުރިއަށް ވުރެ ވެސް ބޮޑުވިއެވެ.
ޝަނޫރާ އުފުލައިލައިގެން ރިޟުވާނު ގޮސް ވަނީ އެ މީހުން ދިރިއުޅޭ ގެއަށެވެ. އޭރު އެ ގޭގައި އަލީގެ ކަންފުޅެއް ވެސް ނެތެވެ. މުޅި ގެއަށް ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ.
“ހާދަ އަނދިރިއޭ!”
“ރަނގަޅުވާނެ!” ޝަނޫރާ ގޮވައިގެން ރިޟުވާނު ގޭތެރެއަށް ވަދެގެން ދިޔައީ ވަރަށް ފަރިތަކަމާ އެކުގައެވެ. ހީވަނީ އޭނާއަށް އެއްވެސް ދަތިކަމެއް ނެތި، ގޭތެރޭގެ ތަންތަން ފެންނަހެންނެވެ.
ރިޟުވާނު އެ ދިޔަ ގޮތަށް ގޮސް ބިންމަތީގައި އޮތް ސަތަރިގަނޑުމަތީގައި ޝަނޫރާ ބާއްވައިފިއެވެ. އެއަށްފަހު އޭނާ ވެސް އެ ތަނުގައި އޮށޯވެ ހަމަޖެހިލިއެވެ.
“ހިނގާ ބައްތި ދިއްލަން! އަހަރެން ވަރަށް ބިރުގަނޭ އެބަ.” އަނދިރީގެ ތެރެއިން ކައިރީގައި އޮތް ރިޟުވާނާ ދިމާއަށް ޝަނޫރާ ބަލައިލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ، ރިޟުވާނުގެ ދެ ލޯ، ރަތް އަނގުރުގަނޑެއްގެ ސިފައިގައެވެ. އެ ވަގުތު ލިބުނު ސިހުމާއި ގަތް ބިރުން، އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ އުޅުނީ ވަގުތުން ފުންމައިގެން ތެދުވެ ދުއްވައިގަންނާށެވެ. އެހެންނަމަވެސް އެ ވަގުތު ރިޟުވާނު އޭނާގެ މައްޗަށް ބާރު ހިނގައިލައިފިއެވެ.
މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ފަޅުރަށަށް ވެރިވެފައިވާ ހަމަހމޭންކަން ފޫދުއްވާލީ، ރަށާ ދިމާއަށް ދުއްވާފައި އަންނަ ދޯނީގެ އިންޖީނުގެ އަޑުންނެވެ. އެ ދޯނި އެއައި ގޮތަށް އައިސް، އެ ރަށު ފަޅަށް ވަދެއްޖެއެވެ. އެއީ ކުޑަވަރެއްގެ އިންޖީނު ދޯންޏެކެވެ. ވަގުތަކީ ދިޔަވަރު މާ ބޮޑު ނޫނަސް ހިކި ވަގުތެއް ނޫންކަމުން، ދޯންޏަށް ރަށާ ވަރަށް ކައިރިއަށް އާދެވުނެވެ.
އެ ދޯނީގައި ހަތް މީހުން ތިއްބެވެ. އެއިން ކޮންމެ މިހެއްގެ އަތުގައި ވެސް އަލި ގަދަ ޓޯޗެއް އޮތެވެ. އެ މީހުން ދޯނީގައި ތިބެފައި ވެސް، ރަށާ ދިމާއަށް އަލިކުރާން ފަށައިފިއެވެ.
“މި ރަށަކު ހިޔެއް ނުވޭ ބަޔަކު އުޅޭހެނެއް!” ހޭޅިފަށުގެ އެއް ކޮޅުން އަނެއް ކޮޅަށް އަލިކޮށްލަމުން ގާދިރު ބުންޏެވެ.
“ތިހެން އަލިކުރިޔަކަސް ނޭނގޭނެ! ހިނގާ ފައިބާން އުޅެމާ!”
ދޯނި އަޅާފައި ފަހަރަކު މީހަކު މޫދަށް ފުންމާލައިފިއެވެ. އެ މީހުން މޫދުތެރޭގައި ހިނގާލައިފައި އައިސް، އެއްގަމަށް އަރައިފިއެވެ.
“ކިހިނެއް ވާންވީ؟” ދަތުރުގެ ވެރިއަކަށް އައި، ވަކަރު މުހައްމަދު ގާތު ސާމީ އެހިއެވެ. އެ މުހައްމަދަކީ ވަރަށް ބިޔަކޮށް ހުންނަ ޖެހިލުން ކުޑަ، ހަށީ ބާރު ހެޔޮކަމަށް، އެ ރަށުގައި ނަން މަޝްހޫރު މީހެކެވެ. އޭނާއަށް ވަކަރު މުހައްމަދު ކިޔަނީ ވެސް އޭނާގެ ބާރުގަދަކަމުންނެވެ.
“ނުފެނިގެން އުޅޭ ދެ މީހުން ހޯދަންވީ.” މުހައްމަދު ކުރިއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން އެހެން މީހުން ވެސް ހިނގައިގަތެވެ.
“އެ މީހުން އައި ބޮއްކުރައެއް ވެސް މި ރަށު ފަޅަކު ނެތެއްނު!” ތަންކޮޅަކަށް ގޮސްފައި، ފަޅުތެރޭގެ އެކި ދިމަދިމާއަށް އަލިކޮށްލަމުން މުހައްމަދު ބުންޏެވެ.
“އެކަމަކު މި ރަށަށޭ ކިޔާފަ އެ މީހުން އައީ.” އެއީ ކަމާލު ބައްޕަގެ އަޑެވެ. އޭނާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ.
އެ ވަގުތު ކައުންސިލްގެ ރައީސްގެ ކޯލެއް މުހައްމަދަށް އައެވެ. އޭނާ ބެލީ އެ މީހުންނަށް އެ ރަށަށް އާދެވުނުތޯއެވެ. އެ މީހުން ފެނިއްޖެތޯއެވެ. ވާނުވާ އަންގަން ބުނެފައި ފޯނު ބޭއްވީއެވެ.
“މި ރަށަށް މި ރޭ ބަޔަކު އައިސްފައި އެބަ ހުރި. މިހިރީ ހަމަ ތާޒާ ފިޔަވަޅު!” ގޮނޑުދޮށުގައި ހުރި ފިޔަވަޅުތަކަށް އަލިކޮށްލަމުން ޖައުފަރު ބުންޏެވެ.
“ތި ވާނީ އެ މީހުންނަށް.” މުހައްމަދު ބުންޏެވެ. “ފުރަތަމަ ރަށް ވަށައި ހިނގާލަން މަށަށް ފެންނަނީ. ދެ ގުރޫޕަކަށް ބެހިލަމާ!”
އެއް ގްރޫޕަށް ތިން މީހުން، އަނެއް ގުރޫޕަށް ހަތަރު މީހުން ހަދާލައިގެން، ދެ ގުރޫޕު ރަށުގެ ދެ ކޮޅަށް ހިނގައިގެންފިއެވެ. ފަޅުތެރެއަށާއި ގޮނޑުދޮށަށާއި ހޭޅިއަށް އަލިކުރަމުންނެވެ. ދެ ގުރޫޕު ބައްދަލުވި އިރު ވެސް، އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެހެންނަމަވެސް މީހުން ހިނގައި، ދުވެ ހަދާފައި ހުރި ފިޔަވަޅު ފެނުނެވެ.
“ދެން އޮތީ ރަށުތެރެއަށް އެރުން.” މުހައްމަދު ނިންމިއެވެ.
ވަލަށް ވަނުމުގެ ކުރިން އޭނާ ކައުންސިލަށް ގުޅައި އެ ވާހަކަ ބުންޏެވެ. ރައީސް ވެސް ލަފާދިނީ، ހޭޅިއަށް ވަދެ ތަންތަން ބެލުމަށެވެ. އޭރު ކަމާލުގެ ބައްޕަގެ ދެ ލޮލުން ކަރުނަ ހިލެމުން އާދެއެވެ. އޭނާ ހުރި ގޮތުން ހީވަނީ، އުއްމީދު ކުޑަވެފައި ހުރިހެންނެވެ.
“ހިނގާ މަސައްކަތް ފަށަމާ!” ފޯނު ބާއްވާފައި، ދެން ތިބި މީހުންގެ މޫނަށް މުހައްމަދު ބަލައިލިއެވެ.
“މި އޮތް ދަންވަރު ފަޅުރަށްރަށުގެ ވަލަށް ވަންނަން ވެދާނެތަ؟” ހާމިދު ހުރީ މޭޖެހޭގޮތް ވެފައެވެ.
ހާދީގެ އެ ވާހަކައަށް، އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. އެންމެން އެކުގައި ކަހަލަ ގޮތަކަށް ވަދެއްޖެއެވެ. ވަލުތެރޭގެ އެކި ދިމަދިމާއަށް އަލިކުރަމުން، އެ މީހުން ކުރިއަށް ދިޔައެވެ.
“އެހެރީ ކުޑަ ގެއެއް.” ސާމީއަށް އަލިކޮށްލެވުނު ދިމާއިން ގެއެއް ފެނުމުން އޭނާ ބުންޏެވެ.
އެންމެންގެ މިސްރާބު އެ ދިމާއަށް ބަދަލުވެއްޖެއެވެ. އެއީ ފަނުން ހަދާފައި ހުރި ކުޑަ ގެއެކެވެ. އެ ގޭ ކައިރިން ފެންނާން ހުރި ތަކެތި ބުނެދެނީ، އެ ތަނުގައި ވަރަށް ފަހުން، ނޫނީ މިހާރު ވެސް، ބަޔަކު އުޅޭ ވާހަކައެވެ. އެ ގޭގެ ފުޅަލިގަނޑު ހުރީ ކައިރިކޮށްފައެވެ. ގޭތެރެއަކު އަލިކަމެއް ހުރިހެނެއް ހިޔެއް ނުވެއެވެ.
“ހުޅުވާފައި ބަލައިލާންވީނު!” މުހައްމަދު ބަލައިލީ ޖައުފަރުގެ މޫނަށެވެ.
“މި ތާކު ހިޔެއް ނުވޭ ބަޔަކު އުޅޭހެނެއް.” ސާމީ ކުރިއަށް ޖެހިލިއެވެ.
ސާމީ ގޮސް އެ ގޭ ފުޅަލިގަނޑުގައި ހިފައިލިއެވެ. މަޑުމަޑުން އެއް ފަރާތްކޮށްލިއެވެ. އެ ވަގުތު ފަހަތުގައި ހުރި މުހައްމަދު، އެ ގޭތެރެއަށް ޓޯޗުން އަލިކޮށްލިއެވެ. ގޭތެރެއަކު މީހަކު ނެތެވެ. އޮތީ ހުސްކޮށެވެ. އެ މީހުން ގޭތެރެއަށް ބޯ ދިއްކޮށް ބަލައިލިއެވެ.
“މީ ބަޔަކު ދިރިއުޅޭ ތަނެއްހެން ހީވަނީ.”
އެންމެން އެ ގޭތެރެއަށް ވަނެވެ. ދިރިއުޅެން ބޭނުންވާ ކަހަލަ ބައެއް ސާމާނު، އެ ގޭތެރޭގައި ހުއްޓެވެ.
“ކޮންމެވެސް ބަޔަކު މި ރަށަށް ދަތުރު އައީ ކަމަށް ވެދާނެ!”
ގެ ދޫކޮށްލާފައި އެ މީހުން ކުރިއަށް ހިނގައިގެންފިއެވެ. އަނެއްކާ ވެސް ރަށުތެރެ ބަލާށެވެ. ވަލުތެރެއިން ވަކި ހިސާބަކަށް ދިޔަތަނާ، އެ މީހުންގެ ލޮލުގައި އަޅައިގަތީ، ގަސްތަކުގެ ތެރެއަށް ވެއްޓިފައި އޮތް މީހެކެވެ. އެ މީހަކު އޮތީ ބަންޑުންނެވެ. އެ މީހާ ފެނުމާ އެކު އެންމެން އަވަސް އަވަހަށް އެ ދިމާއަށް ދުއްވައިގަތެވެ.
“މީ ކާކުބާ؟” މުހައްމަދު ގޮސް ގުދުވެ، އެ މީހާ އުޑުތިލަމަތިކުރިއެވެ.
އެ މީހާގެ މޫނު ފެނުމާ އެކު، އެންމެންނަށް އެއް ފަހަރާ ކަހަލަ ގޮތަކަށް ފަހަތަށް ޖެހެވުނެވެ. އެ މީހާގެ މޫނު އޮތީ ނޮޅައިލާފައެވެ. ކާކުކަން ވަކިނުވާ ވަރު ކޮށްލާފައެވެ. ހަށިގަނޑުގައި ވެސް އެކި ވަރުގެ ޒަޚަމްތައް ހުއްޓެވެ. ކަމާލުގެ ބައްޕަ، އެ މީހާގެ މޫނަށާއި ހަށިގަނޑަށް ސަމާލުކަމާ އެކު ބަލަން ހުއްޓެވެ. އޭނާ އެ ބަލަނީ، އެއީ އޭނާގެ ދަރިފުޅުތޯ ނުވަތަ ނޫންތޯ ޔަގީންކުރާށެވެ.
އޭނާއަށް ކަށަވަރުވީ އެއީ ކަމާލު ނޫންކަމެވެ. އެއީ އައްޔައެވެ. ލައިގެން އޮތް ސޯޓާއި ލެއިން ކަޅިވެފައި އޮތް ޓީޝާޓުން ވެސް އެއީ ކަމާލު ނޫންކަމާއި އައްޔަކަށް އެންމެނަށް ވެސް ކަށަވަރު ވެއްޖެއެވެ. އެހެންވިއްޔާ ކަމާލު ކޮބައި ހެއްޔެވެ؟ އޭނާ ވީ ކޮން ތަނެއްގައި ހެއްޔެވެ؟ އެންމެންގެ ހިތުގައި އުފެދުނީ އެ ސުވާލެވެ.
“އެއް ބަޔަކު މިތާ މަޑުކުރޭ! އަހަރެމެން މި ދަނީ ކަމާލު ފެނޭތޯ.” މުހައްމަދު ކުރިއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން އިތުރު ތިން މީހުން ހިނގައިގަތެވެ. އޭގެތެރޭގައި ކަމާލުގެ ބައްޕަ ވެސް ހިމެނެއެވެ. ދިޔަ މަގުމަތީގައި ކައުންސިލްގެ ރައީސް މުހައްމަދަށް ގުޅިއެވެ. މުހައްމަދު ފޯނު ނަގާފައި ވަރަށް ކުރުކޮށް ޖަވާބުދީފައި ފޯނު ކަނޑާލިއެވެ. އޭނާ ބުނިހައި ވެސް އެއްޗަކީ، މިހާރު ރަށުތެރެ ބަލަނީ ކަމަށާއި ފަހުން އެބަ ގުޅަން ކަމަށެވެ.
އިރުކޮޅަކުން ކަމާލު ބައްޕަގެ ފޯނެއް ކޯލެއް އަތުވެއްޖެއެވެ. ގުޅީގެ އޭނާގެ އަންހެނުންނެވެ. އަންހެނުން ގުޅުމާ އެކު އޭނާއަށް ރޮވިއްޖެއެވެ. ވަރަށް ހިތްވަރުކޮށްފައި ވެސް އޭނާއަށް ބުނެވުނީ، ކަމާލު އަދި ނުފެންނަ ވާހަކައެވެ. އެހައި ތަނުން ފޯނު ކެނޑިއްޖެއެވެ.
އައްޔަގެ މަރުވެފައި އޮތް މަސްގަނޑު ކައިރީގައި މަޑުކުރި ތިން މީހުންގެ ހިތަށް ބިރުވެރިކަން ވަންނާން ފަށައިފިއެވެ. އެ މީހުންނަށް ހީވަނީ އެދިމާ ވަލުތެރެއިން، ފާޑުފާޑުގެ އަޑު އިވޭހެންނެވެ. އެންމެ ފަހުން އެ ތަނުގައި ތިބޭން ނުކެރިގެން، އެ މީހުން އެ ތަނުން ދިޔުމަށް ޓަކައި ހިނގައިގެންފިއެވެ. ބާރުބާރަށް ހިނގާފައި އައިސް އަތިރިމައްޗަށް ނިކުމެއްޖެއެވެ. އޭރު މުހައްމަދުމެން ވެސް، ވަލުން ނިކުމެ، އެ ދިމާއާ އަރައި ހަމަވަނީއެވެ.
“ކިހިނެއް ތި ހެދީ؟ ކީއްވެ ތި އައީ؟” އެ މީހުންނާ ދިމާއަށް ޓޯޗުން އަލިކޮށްލަމުން މުހައްމަދު ވަގުތުން ސުވާލުކުރިއެވެ.
“އެތާގައި ތިބެން ނުކެރިގެން މި އައީ؟”
“އެއީ؟ ބިރުން؟” މުހައްމަދު ގާތަށް އައީ ޒާތެއްގެ ހިންޏެކެވެ. “މާ ބޮޑަށް ބިރުގަނެގެން ކަމަކުނުދާނެ!”
“ކޮބާ ކަމާލުގެ ޚަބަރެއް ވެއްޖެތަ؟”
“ނުވޭ! ނުފެނުނު އޭނައެއް!” ހޭޅި ކައިރީގައި މުހައްމަދު އިށީނނިއެވެ. “މަށަށް ހީވަނީ މީ ކަމާލުގެ ކަމެއްހެން.”
“ތަންދޮރު ނުބަލައި، މީސްމީހުންގެ ބޮލުގައި އިލްޒާމު ނާޅުވައްޗޭ!” ކަމާލުގެ ބައްޕަ ވަގުތުން ބުންޏެވެ. “މަގޭ ދަރިއަކީ އެހައި ނުލަފާ ކުއްޖެއް ނޫން!” މުހައްމަދު ބުނި އެއްޗަކުން އޭނާ ގާތަށް ރުޅިއަތުވެއްޖެއެވެ. ހިތަށް އަސަރު ވެސް ކޮށްފިއެވެ.
“އޭނާ ނުލަފައެކޭ މަށެއް ވެސް ނުބުނަން! އެކަމަކު އެ މީހުން އައި ބޮއްކުރައެއް ވެސް ނެތެއްނު! މަގޭ ހިތް ބުނަނީ އޭނާ އައްޔަ މަރާލައިފައި ފިލީއޭ.” މުހައްމަދަށް ވިސްނުނު ގޮތަށް އޭނާ ވާހަކަ ދެއްކިއެވެ.
“ބުނަން މުހައްމަދާ ރަނގަޅު ވާހަކައެއް! އަހަރެން ކަލޭ ގޮވައިގެން ދައުވާކުރާނަން!” ކަމާލުގެ ބައްޕަގެ އަޑުގައި ހުރީ ހިތާމައާއި ރުޅިވެރިކަމެވެ. އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.
އެހައި ތަނުން މުހައްމަދު އެއްވެސް އެއްޗެއް ނުބުންޏެވެ. މި ވަގުތު އޭނާގެ ހާލަތު ހުންނާނެ ގޮތް މުހައްމަދަށް ވިސްނެއެވެ. އެހެންކަމުން އޭނާ ގަސްދުކުރީ، އެ މައުޟޫއަށް އެއްޗެއް ނުބުނާށެވެ. އޭނާ ޖީބުގައި އޮތް ފޯނު ނެގިއެވެ. ކައުންސިލްގެ ރައީސަށް ގުޅުމަށެވެ. މިހާތަނަށް ކަން ވީ ގޮތް ކިޔައިދީ، ދެން ކަންކުރާންވީ ގޮތެއް އޮޅުންފިލުވާށެވެ.
މުހައްމަދުގެ ފޯނަކުން ނުގުޅުނެވެ. އެއްވެސް ނަންބަރަކަށް ނުގުޅުނެވެ. ރޭންޖު ނުލިބެނީއެވެ. އޭނާ އެ ވާހަކަ ބުނުމުން، އެހެން މީހުން ވެސް ފޯނު ނަގައި ގުޅޭތޯ ބެލިއެވެ. އެކަކުގެ ފޯނަށް ވެސް ރޭންޖެއް ނުލިބެއެވެ.
“ކިހިނެއްބާ މި ވީ؟”
މި ވީ ކީއްކަން ނޭނގިފައި ތިއްބައި، އެ ތާ ކައިރީގައި ހުރި ފުނަގަހުން އެއްޗެއް ވެއްޓި ޖެހިއްޖެއެވެ. އެ މީހުން ތިބި ތަނާ ފަސްވަރަކަށް ފޫޓު ކައިރިއަށެވެ. ޖެހުނު އަޑާ އެކު އެންމެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މުހައްމަދަށް ވެސް ފުންމައިގެން ތެދުވެވުނެވެ. އެއީ ކޯޗެއްތޯ ބެލުމަށް އަވަސް އަވަހަށް އަލިކޮށްލެވުނެވެ. އެ ވަގުތު އެންމެންގެ ލޯ ބޮޑުވިއެވެ. އެ ތަނުގައި ވެއްޓިފައި އޮތީ އިންސާނެއްގެ ހަށިގަނޑެވެ. އެ ހަށިގަނޑުގެ އެތަން މިތަން ހުރީ ޒަޚަމަވެ ލޭ ކޮށިފައެވެ.
އެ މީހުންނަށް ލިބުނު ސިހުމާއި ބިރުވެރިކަމާ އެކު އަވަސް އަވަހަށް ގޮސް، އެއީ ކާކުތޯ ބަލައިލި އިރު އެއީ ކަމާލެވެ. ކަމާލުކަން ޔަގީންވުމާ އެކު ކަމާލުގެ ބައްޕަ ރޮއިގަތެވެ. ކަމާލުގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަތެވެ. އެހެން މީހުންގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ.
“މީ ނުރައްކަލެއް!” ބޯ ހަލުވައިލަމުން މުހައްމަދަށް ބުނެވުނެވެ. އޭނާއަށް އިސް އުފުލައި ބަލައިލެވުނީ، އައްޔަ ވެއްޓުނު ގަހާ ދިމާއަށެވެ. އޭނާ އަތުގައި އޮތް ޓޯޗުން ގަހަށް އަލިކޮށްލިއެވެ. އެކި ދިމަދިމާއަށް އަލި ފޮނުވައިލިއެވެ. އެއްވެސް ތަފާތު ކަމެއް މުހައްމަދުގެ ލޮލަކު އަޅައެއް ނުގަތެވެ. އޭރު ވެސް ކަމާލު ބައްޕަގެ ރުއިމުގެ އަޑަކަށް ބަދަލެއް ނާދެއެވެ. އޭނާ ކުޑަކޮށް ވެސް ހަމައަކަށް އެޅުނީ، އެންމެން އެތައް ވާހަކައެއް ދައްކައިގެންނެވެ.
“ދެން ކިހިނެއް ހަދާނީ؟” އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ ހާސްކަމާ އެކުގައެވެ.
އެއްވެސް މީހަކަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ކުއްލިއަކަށް ރަށުތެރެއިން ގަދަފަދަ އަޑުފަށް ގަނޑެއް އިވިއްޖެއެވެ. ހީވީ ގަސްތަކުތެރެއިން ވަރުގަދަ ގުގުރިއެއް ޖެހިހެންނެވެ. އެއާ އެކު މުޅި ރަށަށް ގުޑުން އަރައިގެން ދިޔައެވެ. އެ ވަގުތު އެ ތަނުގައި ތިބި އެންމެނަށް ވެސް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އެ މީހުންނަށް ތެޅެގަނެވުނެވެ. އެކަކު އަނެކެއްގެ ގައިގައި ހިފެހެއްޓުނެވެ. ބައެއް މީހުންނަށް ހަޅޭއް ވެސް ލަވައިގަނެވުނެވެ. ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ.
“މަށަށް ފެންނަނީ އަވަހަށް މި ރަށުން ފުރަން.” ހާމިދު ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ.
އެ ވަގުތު އެއްކަހަލަ ގަހުން އަޑެއް އިވިއްޖެއެވެ. ހީވީ ގަހުގެ ގޮފިތައް މަތީގައި އެއްޗެއް ދުވެގަތްހެންނެވެ. އެ އަޑު އިވުމާ އެކު، އެއް ބަޔަކަށް ބިރުން ދުއްވައިގަނެވުނެވެ. މުހައްމަދު ވެސް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އޭނާ ހުއްޓި، އަތުގައި އޮތް ޓޯޗުން ގަހަށް އަލިކޮށްލައިފިއެވެ.
“އެ އޮތީ މީހެއް!” ގަހުގެ ތަންކޮޅެއް މަތީގައި ހުރި ގޮތްޕެއް މަތީގައި އޮތް މީހަކު މުހައްމަދުގެ ލޮލުގައި އަޅައިގަތެވެ.
މުހައްމަދުގެ އެ ޖުމުލައާ އެކު، ސާމީ ކުރިއަށް ޖެހިލިއެވެ. އާއެކެވެ. އެ ތަނުގައި މީހަކު އެބަ އޮތެވެ. އެހެންނަމަވެސް އޮތް ތަނާއި އޮތްގޮތުގެ ސަބަބުން، އެހައި ބޮޑަކަށް އެ މީހާއެއް ނުފެނެއެވެ. ފެންނަނީ ގޮފިގަނޑުގެ މަތިން ތިރިއަށް އެލިފައި އޮތް އެއް ފައިގެ ބަޔަކާއި، އެއް އަތުގެ ބަޔެކެވެ. އޮތްގޮތުން ހީވަނީ އެއީ ވެސް މަރުވެފައި އޮތް މީހެއްހެންނެވެ.
“އާނ! އެއީ ވެސް އިންސާނެއް!” ސާމީ ވެސް އޭރު ހުރީ ގަހަށް އަލިކޮށްގެންނެވެ.
“އެއީ ދެން ކާކުބާ؟”
އެ ވަގުތު އައި ވައިރޯޅިއަކާ ގަސް ހެލިލައިފިއެވެ. ގަހުގެ ގޮފިތައް އަތްއަތަށް ހަރަކާތް ކޮށްލައިފިއެވެ.
“އެއީ… އެއީ…. އަންހެނެއް!” ސާމީއަށް ބާރަށް ބުނެވުނެވެ.
“އަންހެނެކޭ؟” މުހައްމަދު ރަނގަޅަށް ބަލައިލިއެވެ. މިހާރު ފެންނަނީ ކުރިން ވެސް ފެނުނު ގޮތަށް އަތާއި ފަޔެވެ.
“އާނ! މަށަށް ހަމަ ރީތިކޮށް ދެންމެ ފެނުނު. ދިގު އިސްތަށިގަނޑެއް ވެސް އޮތް.”
“މާތްކަލާކޯ! މި ރަށުން އަވަހަށް ފުރަމާ ހިނގާ! ތި ވެދާނެ ޖިންނިއަކަށް ވެސް.” ބިރުން ގޮސް މިހާރު ހާމިދަށް ހުރެވެނީއެއް ނޫނެވެ.
ހާމިދުގެ އެ ބަހަށް ޖައުފަރު ވެސް ތާއީދުކޮށްފިއެވެ. ރަށުން އިވުނު ގަދަފަދަ އަޑާއި، ކަމާލާއި އައްޔަ މަރުވެފައި ތިބުމާއި، މި ހުރިހައި ކަމަކުން ރަށް އަމާން ނޫންކަން، އެ މީހުންނަށް ކަށަވަރުވެއްޖެއެވެ.
“އެއީ ޖިންނިއެއް ނޫން! މަ ބުނާނީ އެއީ ވެސް މަރުވެފައި އޮތް މީހެކޭ!” މުހައްމަދަށް މަޑުމަޑުން ބުނެވުނެވެ.
“އެކަމަކު ސާމީ އެ ބުނީނު އެއީ އަންހެނެކޭ؟ މި ރަށަކަށް އަންހެނަކު ނާދެއެއްނު!” އެއީ ޖައުފަރުގެ އަޑެވެ.
“އެކަމަކު ވެސް ޔަގީންކުރަން ޖެހޭނެ ދޯ! ރުހާނީ އެއްޗެއް ވިއްޔާ މި ގޮތަށް އަލިކުރީމަކާ ފެންނާކަށް ނޯންނާނެ!” މުހައްމަދާއި ސާމީ އޭރު ވެސް ތިބީ ގަހަށް އަލިކޮށްގެންނެވެ. އެ މީހާއާ ދިމާއަށެވެ.
“ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟ އަދި ވެސް ދާކަށް ނޫންތަ ތި އުޅެނީ؟’ ބިރުގެންފައި ހުރިލެއް ބޮޑުކަމުން، ހާމިދު ގާތަށް ރުޅި އަންނަން ފަށައިފިއެވެ.
“ހާމިދު! ކަލޭ ހަމަޖެހޭ! މަ ބޭނުން އެއީ ކާކުތޯ ބަލަން! ކޮންމެވެސް އެކަކު މި ޓޯޗުގައި ހިފާ!” އެ ތަނުން މީހަކާ ދިމާއަށް މުހައްމަދު ޓޯޗު ދިއްކުރިއެވެ.
“ކީއްކުރަން ތި އުޅެނީ؟” އެ ތަނުން މީހަކު ޓޯޗުގައި ހިފަމުން އަހައިލިއެވެ.
“ގަހަށް އަރަން މި އުޅެނީ؟ އެއީ ކާކުތޯ ނުބަލައެއް މަށެއް ނުދާނަން!” މުހައްމަދު ކުރިއަށް ޖެހިލިއެވެ. ގަހާ ދިމާއަށެވެ.
“މުހައްމަދާ! އަޅެ ރަނގަޅުކަމެއްތަ ކުރަން ތި އުޅެނީ؟”
“އާނ! އެ ދިމާއަށް އަލިކޮށްގެން ތިބޭތި!”
މުހައްމަދު އެ ދިޔަ ގޮތަށް ގޮސް، ގަސް ކައިރިއަށް ހުއްޓުނެވެ. އިސް އުފުލައި ގަހުގެ ކުރިއަށް ބަލައިލިއެވެ. އެ މީހަކުގެ އެއް އަތާއި އެއް ފައި މިހާރު ވެސް ފެނެއެވެ.
“ރަނގަޅަށް އަލިކޮށްގެން ތިބޭތި!”
މުހައްމަދު ގަހަށް އަރާން ފަށައިފިއެވެ. އޭރު އެ މާހައުލުގައި ވަނީ ހަމަހިމޭންކަމެވެ. އެކަކު ވެސް އަނެކަކާ ވާހަކައެއް ނުދައްކައެވެ. މުހައްމަދާ ދިމާއަށް ބަލަހައްޓައިގެން ތިބީއެވެ. އެ ތަނުން ބައެއް މީހުންގެ މޭ ނެގިނެގިފައި ޖެހެމުންދެއެވެ.
ފަހަރަކު އަތްޕެއްގައި ހިފަމުން މަޑުމަޑުން މުހައްމަދު މައްޗަށް އަރަމުން ގޮސް، އެ މީހާ އޮތް އަފީގައި ހިފައިފިއެވެ. މަޑުމަން މައްޗަށް އަރައި އެ މީހަކާ ދިމާއަށް ރަނގަޅަށް ބަލައިލައިފިއެވެ. ގަސް ދޮށުގައި ތިބި އެންމެން ވެސް ހީކުރީ، އެ މީހާގެ މޫނު ފެނުމުން މުހައްމަދު ކޮންމެވެސް އެއްޗެކޭ ބުނާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ޚިޔާރުކުރީ ހަމަހިމޭންކަމެވެ. އަނދިރިކަމުން އޭނާއަކަށް އެއީ ކާކުކަމެއް ނޭނގުނެވެ.
މުހައްމަދަކީ އަތުބާރުގަދަކަމަށް ރަށުގައި ވެސް މަޝްހޫރު މީހެކެވެ. އެހެންކަމުން އެ ފަދަ ކަމީނާ އަންހެނަކު ނަގައިގަނެގެން، ތިރިއަށް ފޭބުން އޭނާއަކަށް ދަތިކަމަށް ނުވިއެވެ. އޭނާ އެ އަންހެން މީހާ ކޮނޑުމަތީގައި ބާއްވައިގެން، ފަހަރަކު އަތްޕެއްގެ މައްޗަށް ފައިބަމުން އައިސް ބިމަށް ފައިބައިފިއެވެ. އަދި މަޑުމަޑުން ދޮންވެލިގަނޑު މަތީގައި އެ މީހާ ބާއްވައިފިއެވެ. އުޑުތިލަމަތިންނެވެ.
“ޝަނޫ!” ޝަނޫރާގެ މޫނަށް ޓޯޗުންގެ އަލި އެޅުމާ އެކު، ސާމީގެ ދެ ލޯ ބޮޑުވިއެވެ. “މާތްކަލާކޯ! މީ މަށަށް ފެންނަ ހުވަފެނެއްތަ؟” ޓޯޗު ބިންމައްޗަށް ދޫކޮށްލާފައި ސާމީއަށް ގޮސް، ޝަނޫރާގެ ގާތުގައި އިށީނދެވުނެވެ. ޝަނޫރާގެ ހަމަހޭވެރިކަމެއް ނެތެވެ. ދެ ލޯ އޮތީ މެރިފައެވެ. ނޭވާލާތީ ފުރާނަ ހުރިކަން ކަށަވަރެވެ.
“މީ…މީ….މީ ކިހިނެއް ވީ ކަމެއް؟” ސާމީއަށް ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ.
އެންމެން ވެސް ތިބީ އާޝޯޚުވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަޅުރަށެއްގައި، ރޭގަނޑު ދަންވަރު، ފުނަގަހަކުން ޝަނޫރާ ފެންނާންވީ ކީއްވެގެން ބާވައެވެ؟
“ތީ އަނެއްކާ ހަމަ އެ މަންޖެބާ؟” ހާމިދުގެ ބަލިގަނޑު ހިލިގަތެވެ. “ތި ވެދާނެ އޭނާގެ ސިފައިގައި އޮތް ރޫހާނީ އެއްޗަކަށް ވެސް.”
“ކަލޭ ތީ އަނެއްކާ ހާމިދުގެ ސިފައިގައި ހިރި ރޫހާނީ އެއްޗެއް ނޫންތަ؟” މުހައްމަދު ހިތްހަމަނުޖެހޭ ގޮތް ވެއްޖެއެވެ.
“އެކަމަކު ޝަނޫރާ މި ތަނުގައި އޮތް، އިރު ރިޟުވާނު ކޮބައި؟” އެތަނުން އެހެން މީހަކަށް އަހައިލެވުނެވެ.
“މިހެން ނުތިބެ މީނާ ގޮވައިގެން އަވަހަށް ރަށަށް ދެވޭތޯ އުޅެމާ ހިނގާ! ފަރުވާއެއް ކުރެވޭނީ ވެސް ރަށަށް ދެވިގެނެއްނު!” ސާމީގެ ހިތަށް ވަނީ ވަރަށް ފުން އަސަރެއްކޮށްފައެވެ. އޭނާ މި ދަތުރުގައި މި ރަށަށް އައީ، މި ފަދަ ހިތްދަތި މަންޒަރެއް ފެނިދާނޭކަމަކަށް އުއްމީދުކޮށްގެނެއް ނޫނެވެ.
އެންމެން އަވަސްވެގަތީ ޝަނޫރާ ގޮވައިގެން ރަށަށް ދިޔުމަށެވެ. ކަމާލުގެ ހަށިގަނޑު އެ ތަނަށް ދޫކޮށްފައި ދާކަށް، އޭނާގެ ބައްޕަ ބޭނުމެއް ނުވިއެވެ. އެހެންކަމުން ވަލުތެރޭގައި އޮތް އައްޔަގެ ފުރާނަ ނެތް މަސްގަނޑާއި ކަމާލުގެ ފުރާނަ ނެތް މަސްގަނޑު ވެސް ގެންދަން އެ މީހުން ނިންމިއެވެ.
ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެ، އެ މީހުން އެކަންކަމާ ހަރަކާތްތެރިވާން ފެށިއެވެ. ވަލަށް ވަދެ އައްޔަ ގޮނޑުދޮށަށް ނެރެފިއެވެ. އޭރު ވެސް ޝަނޫރާ ހޭއަރާތޯ ސާމީ މަސައްކަތްކުރަމުން ގެންދިޔައެވެ. މޫދުން ލޮނު ގެނެސްގެން މޫނާއި ހަތަރެސް ފައިގައި ވެސް އުނގުޅައިފިއެވެ. އެހެންނަމަވެސް އަދި ވެސް ހޭއަރާ ގޮތެއް ނުވެއެވެ.
ޝަނޫރާ މި ރަށުން ފެނުމުން ހިތުގައި އުފެދުނު ސުވާލުތަކުގެ ތެރޭގައި ތިބެ، އެ މީހުން ދޯންޏާ ދިމާއަށް ހިނގައިގެންފިއެވެ. ޝަނޫރާ އޮތީ ސާމީގެ ކޮނޑުގައެވެ. އެހެން މީހުން ތިބީ އައްޔައާއި ކަމާލު އުފުލާލައިގެންނެވެ. ކަމާލުގެ ބައްޕަގެ ދެ ލޮލުން އަނެއްކާ ވެސް ކަރުނަ އޮހެން ފަށައިފިއެވެ.
ތަންކޮޅަކަށް ދިޔަތަނާ، ރަށުގެ އެއް ކޮޅުން މީހަކު ދުވެފައި އަންނަތަން އެ މީހުންނަށް ފެނިއްޖެއެވެ. ފުރަތަމަ އެ މަންޒަރު ފެނުނީ ޖައުފަރަށެވެ.
“އޭތް! ދުވެފައި އެހެރަ އަނަންނީ ކޮންމެވެސް މީހަކު!” ޖައުފަރަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
“އެއީ އަނެއްކާ ކާކުބާ؟”
އިސާހިތަކު އެ މީހަކު އައިސް އެ މީހުންނާ އަރައި ހަމަކޮށްފިއެވެ. އެއީ ރިޟުވާނެވެ. އޭރު އޭނާ ހުރީ ވަރުބަލިވެ، ހަންކެނޑިފައެވެ. ބިރުން ގޮސް އަވަދިވެފައެވެ.
“ތީ މަގޭ ޝަނޫ ދޯ!” ސާމީގެ ކޮނޑުގައި އޮތް ޝަނޫރާ ފެނުމާ އެކު، ރިޟުވާނު އަވަސްއަވަހަށް ގޮސް، ސާމީގެ ކޮނޑުމަތިން ޝަނުރާ ނެގިއެވެ. ޝަނޫރާގެ މޫނަށް ބަލައިލިއެވެ. އޭނާ އޮތް ހާލު ފެނިފައި އޭނާއަށް ވަގުތުން ރޮވިއްޖެއެވެ.
“ކޮންތާކުން ފެނުނީ؟” ހޭވެރިކަން ގެއްލިފައި އޮތް ޝަނޫރާގެ ގައިގައި އޮޅުލައިގެންފައި ރިޟުވާނު އުޅެންފެށިގޮތުން ހީވީ އޭނާ މޮޔަވެފައި ހުރިހެންނެވެ.
“ކޮންތާކަށް ކަލޭމެން ތި ދަނީ؟ ކޮންތާކު މީނަ އޮތީ؟” ރިޟުވާނުގެ އަޑު ކުރިއަށް ވުރެ މި ފަހަރު ބާރުވިއެވެ.
“ހަޅޭއް ނުލަވައި މަޑުން ހުރެބަލަ! މިތާ ހުރި ފުނަގަހެއްގައި އޮއްވާ ފެނިގެން ނަގައިގެން މި ދަނީ. އަނބިމީހާ މަރަށް ދޫކޮށްލާފައި ކޮންތާކު ތެޅިތެޅިފައި ކަލޭ ތި އައީ؟” މުހައްމަދު ގާތަށް ހުރީ ރުޅި އައިސްފައެވެ.
“އަހަރެން މި އުޅެނީ މީނަ ގެއްލިގެން. ނުފެނިގެން. ކިހައި އިރެއް ހޯދާތާ!” އެ ވަގުތު ރިޟުވާނުގެ ލޮލުގައި އަޅައިގަތީ، އެ މީހުންގެ އަތްދަނޑިމަތީގައި ތިބި ދެ މީހުންނެވެ. “ތީ ކޮން ބައެއް؟ ކިހިނެއް ވެގެން މި އުޅެނީ؟” ރިޟުވާނު ހުރީ އަދި ވެސް ޝަނޫރާގެ ގައިގައި ފިރުމައިލަ ފިރުމައިލައެވެ.
“މަށަށް ހީވަނީ މި ހުރިހައި ޖަރީމާއެއް ހިންގައިގެން މި އުޅެނީ މީނަހެން. ވަރަށް ފާޑެއްގެ ސޮރެއްނު މީ.” ފަހަތުގައި ހުރި ޖައުފަރު، ހާމިދު ގާތުގައި މަޑުމަޑުން ބުންޏެވެ.
“ވެދާނެ!” ހާމިދު ބޯޖަހައިލިއެވެ.
“ކަލޭ މީނަ ގޮވައިގެން މި ރަށަށް އައިސް ތި އުޅެނީ ކޮން އިރަކު؟” މުހައްމަދު ސުވާލުކުރިއެވެ.
“ރަށަށް ދިޔަ މަގުމަތީގައި މިއަދު ހަވީރު އަހަރެމެން މި ރަށަށް ޖެއްސީ. އަހަރެމެން ރަށުތެރޭގައި ހިނގާލައި އުޅެފައި ފުރަން ދިޔައިރު، ޑިންގީއެއް ނެތް. ޑިންގީ ބެހިގެން ހިނގައްޖެ! ދެން މި ރަށުގައި ތާށިވީ. ފޯނު އޮތީ ނިވިފައި. އިރު އޮއްސުނުތަނާ ކަހަލަ ގޮތަކަށް ޝަނޫ މަށަށް ގެއްލިއްޖެ.” ރިޟުވާނަށް ރޮވިއްޖެއެވެ.
އެއްވެސް މީހަކު އެ އަކަށް އެއްޗެއް ނުބުނެއެވެ. ހިނގައިގަތީ ދޯންޏާ ދިމާއަށެވެ. ރިޟުވާނު ވެސް އެ މީހުންނާ އެކުގައި ދިޔައެވެ. މަރުވެފައި އޮތް ދެ ގަބުރު ދޯންޏަށް އެރުވުމަށްފަހު އެންމެން ދޯޏަށް އަރައިފިއެވެ. ދޯނި ފަޅުން ނެރެ، ރަށާދިމާއަށް މިސްރާބުޖަހައި، ދުއްވާލައިފިއެވެ. ދޯނި ދުއްވަން ހުރީ މުހައްމަދެވެ. ދޯނީގެ އެކި ދިމާގައި އެކި މީހުން ތިބި އިރު، ޝަނޫރާ އުނގުމަތީގައި ބާއްވައިގެން ރިޟުވާނު އިނީ ދިރުނބާކޮޅުގައެވެ. ސާމީ މަޑުކޮށްލައިގެން ހުރީ މުހައްމަދު ގާތުގައެވެ. އޭނާގެ ހިތް އޮތީ ރޮއިރޮއިއެވެ. ޝަނޫރާގެ ހާލަތާ މެދު ވެވޭ ހަމްދަރުދީގެ ބޮޑުކަމުންނެވެ.
ތަންކޮޅަކަށް ދިޔަތަނާ ޝަނޫރާއަށް ހޭވެރިކަން އަންނާން ފަށައިފިއެވެ. އޭނާ މަޑުމަޑުން އެސްފިޔަ ޖަހާލައިފިއެވެ. ލޯ ހުޅުވާލައިފިއެވެ. ފުރަތަމަ ވެސް އޭނާއަށް ފެނުނީ ރިޟުވާނުގެ މޫނެވެ. އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިންދައެވެ. އެ މޫނު ފެނުމާ އެކު، އޭނާ ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ތެދުވެ، ހަޅޭއްލަވައިގެންފައި ދުއްވައިގަތީ ރިޟުވާނާ ދުރަށެވެ. ދޯނީގައި ތިބި އެންމެންނަށް ލިބުނީ ކުއްލި ސިހުމެވެ.
“އެއީ…. އެއީ… އިންސާނެއް ނޫން! އިންސާނެއް ނޫން!” އެންމެ ފުރަތަމަ ޖެހުނު މީހާގެ ގައިގައި ބައްދައިގެންފައި، ރިޟުވާނާ ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ، ޝަނޫރާ ބާރަށް ގޮވަމުންދިޔައެވެ.
އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ޝަނޫރާގެ ގާތަށް ދިޔައެވެ. އޭރު ރިޟުވާނު ވެސް ދިރުނބާކޮޅުގައި ހުރެފައި، ހަލުއި ފިޔަވަޅުތަކެއްގައި އެ ދިމާއަށް އާދެއެވެ. މުހައްމަދަށް ވެސް ލިބުނު ހައިރާންކަމާއި ސިހުމާ އެކު ދޯނީގެ ދުވެލި މަޑުކޮށްލައި އިންޖީނު ވެސް ނިވާލެވުނީއެވެ. އޭރު ދޯނި އޮތީ ކަނޑަށް ނިކުމެ ތަންކޮޅަކަށް ދުއްވިފައެވެ.
“އޭނަ އެ އަންނަނީ އަހަރެން މަރާލަން. އަހަރެން ސަލާމަތްކުރޭ!” ރިޟުވާނު އަންނަތަން ފެނުމުން ޝަނޫރާ ބިރުން ތެޅިފޮޅިގަތެވެ.
“ޝަނޫ! ހަމަޖެހިބަލަ! އެއީ ޝަނޫރާގެ ފިރިމީހާއެއްނު! ރިޟުވާނޭ އެއީ!” ސާމީގެ އަޑު ކަންފަތުގައި ޖެހުމާ އެކު، ޝަނޫރާއަށް ކުއްލި ހަމަހިމޭންކަމެއް އައެވެ. އޭނާ އަވަސްއަވަހަށް، ދެ ލޯ ބޮޑުކޮށްފައި ސާމީއާ ދިމާއަށް ބަލައިލިއެވެ.
ދޯނިތެރެއަށް ވެރިވެފައިވާ މިލަ ހަނދުވަރުގެ ތެރެއިން ސާމީގެ މޫނު ފެނުމާ އެކު، ޝަނޫރާ އޮޅުލައިގަނެގެން ހުރި މީހާގެ ގައިން ދޫކޮށްލާފައި، ސާމީގެ ގައިގައި ހިފައިގަތެވެ.
“ނޫން ސާމީ! އެއީ ރިޟުވާނެއް ނޫން! އޭނަ އެ އުޅެނީ ރިޟުވާނު މަރާލައިފައި ރިޟުވާނަށް ވެގެން. އަހަރެން ސަލާމަތްކޮށްދީ! އޭނަ އަހަރެން މަރައިލަފާނެ!”
“ޝަނޫ! ހަމަޖެހިބަލަ! ކިހިނެއްވެގެން ތި އުޅެނީ؟ މީ ރިޟޭއޭ! މޮޔަ ނުގޮވަބަލަ!” ޝަނޫރާ އާދޭސްކޮށްކޮށް ހުއްޓާ، ރިޟުވާނު އައިސް ޝަނޫރާގެ އަތުގައި ހިފެހެއްޓިއެވެ. އޭނާ އުޅުނީ ސާމީގެ އަތުގެ ތެރެއިން، ރިޟުވާނު ދަމައިގަންނާށެވެ. އެހެންނަމަވެސް ޝަނޫރާ ހުރީ އެއަށްވުރެ ބާރަށް ސާމީގެ ގައިގައި ބައްދައިގެންނެވެ.
“ތީ ރިޟުވާނެއް ނޫން! މަގޭ ގައިގައި އަތްނުލާ! އަހަރެން ކަލޭ ދެކެ ބިރުގަނޭ!” ޝަނޫރާ ބާރަށް ހަޅޭއްލަވަމުން ގެންދެއެވެ. “ސާމީ! ހެޔޮނުވާނެ! އޭނާގެ ކިބައިން އަހަރެން ސަލާމަތްކޮށްދީ! އޭނަ އަހަރެން މަރާލަފަނެ! އެއީ… އެއީ….” ހުއްޓުން އަރާފައި ހުރި ސާމީގެ މޫނަށް ޝަނޫރާ އާދޭހުގެ ނަޒަރަކުން ބަލައިލިއެވެ.
“ޝަނޫރާ!” ރިޟުވާނުގެ ބާރު އަޑުން ދޯނިތެރެ ގުގުމައިލިއެވެ. “ކޮން މޮޔައެއްތަ ވެގެން ތި އުޅެނީ؟ ކާކުގެ ގައިގައިތަ ބައްދައިގެން ތި ހުންނަނީ؟”
ރިޟުވާނު ކުރިއަށް ޖެހިލައި، ޖެހި އެންމެ ލަތްކަކާ އެކު، ސާމީގެ އަތުގެ ތެރެއިން ޝަނޫރާ ދަމައިގެންފިއެވެ. އަދި ސާމީގެ މޭގައި އަތްއަޅައި، އިދިފުށަށް ކޮށްޕާލައިފިއެވެ. ނުވިސްނައި ހުއްޓާ އައި ހަމަލާއެއްކަމުން، ސާމީއަކަށް އޭނާގެ ހަށިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. އެ ދިޔަ ގޮތަށް ގޮސް ތައްޓުމައްޗަށް އިދިފުށަށް ޖެހިއްޖެއެވެ.
މި މަންޒަރު ފެނިފައި މުހައްމަދު އަވަސްއަވަހަށް ގޮސް، ވެއްޓިފައި އޮތް ސާމީ ނެގިއެވެ. އޭރު ސާމީ އުޅުނީ ވެއްޓި ޖެހުނު ގޮތުން އުނަގަނޑަށް ތަދުވެގެންނެވެ. ސާމީއަށް ހެދި ގޮތް ފެނިފައި، މުހައްމަދުގެ ލޭ ކެކިގަތެވެ. އޭނާ އިސް އުފުލައި ބަލައިލިއެވެ. އޭރު ޝަނޫރާގެ އެއް އަތުގައި ހިފައި، ދަމާކޫތާފައި ކަހަލަ ގޮތަކަށް ދޯނީގެ ދިރުނބާކޮޅަށް ގެންދެއެވެ. ޝަނޫރާ ނުދާން ގަދަހަދައެވެ. ޝަނޫރާގެ މޫނުމަތީގައި ދެ ބޮނޑިއެއް އެޅިތަން ވެސް މުހައްމަދަށް ފެނުނެވެ.
“ކަލޭމެން ތި ތިބެނީ ކީއްވެފައިތަ؟ މީހެއްގެ ދަރިއެއްގައި ތަޅައި މަރާތަނެއް ނުފެނޭތަ؟” މުހައްމަދު ގާތަށް އައި ރުޅީގައި، ދޯނީގައި ތިބި މީހުންނާ ދިމާއަށް ހަޅޭއްލަވައިގަތެވެ.
މުހައްމަދުގެ އަޑަށް ދޯނީގައި ތިބި މީހުންނަށް ލިބުނީ ސިހުމެކެވެ.
“ކަލޭމެންނަކަށް ނީވޭތަ އެ ކުއްޖާ އެ ކުރާ އާދޭހުގެ އަޑެއް؟ އެ ކުއްޖާއަށް އެ ކުރާ އަނިޔާއެއް ނުފެނޭތަ؟”
މުހައްމަދު ދުއްވައިގަތެވެ. ދޯނީގެ ދިރުނބާކޮޅަށެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް، ރިޟުވާނުގެ އަތުގައި ހިފެހެއްޓިއެވެ. އޭރު ވެސް ރިޟުވާނު އުޅުނީ ޝަނޫރާގެ މޫނުމަތީގައި ބޮނޑިއެއް އަޅާށެވެ. މުހައްމަދު ވަރަށް ހުޝިޔާރުކަމާ އެކު، ރިޟުވާނުގެ އަތުގެ ތެރެއިން ޝަނޫރާ ދަމައިގަތެވެ.
“ދެން އެންމެ ފަހަރަކު މި ކުއްޖާގެ ގައިގައި ޖެހިޔަސް، ކަލޭގެ ބޮލާއި ކަދުރާ ދެ ތަން ކުރާނަން!” ރުޅި އައިސްފައި ހުރިލެއް ބޮޑުކަމުން މުހައްމަދުގެ ހަށިގަނޑު ތުރުތުރުއަޅައެވެ.
“މި ދޭތެރެއަށް ވަންނަން ކަލޭ ތީ ކާކު؟ ހަމަ މިހާރު އޭނާގެ ގައިގައިން ދޫކޮށްލާ!” ރިޟުވާނު ކުރިއަށް ޖެހިލިއެވެ. އެ ވަގުތު ފަހަތުގައި ހުރެފައި، ޒަކީ ދުވެފައި އައިސް ޝަނޫރާ ގެންގޮސްފިއެވެ. ރިޟުވާނު ވަގުތުން އެ ދިމާއަށް ދުއްވައިގަންނަން މަސައްކަތްކުރިއެވެ.
“ނުދެވޭނެ! މިތާ މަޑުން އިނދޭ! އެހެންނޫނީ…”
މުހައްމަދަށް ޖުމުލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ރިޟުވާނުގެ އަތުގެ ހޫނު ހަމަލާއެއް މުހައްމަދުގެ މޫނުމައްޗަށް އަރައިފިއެވެ. ވަގުތުން މުހައްމަދު އަރިއަޅާލިއެވެ. އެހެންނަމަވެސް އޭނާ އެ ތަނަށް ނުވެއްޓި ސަލާމަތްވިއެވެ. އެ ވަގުތު ރިޟުވާނުގެ މޫނުމަތީގެ ސިފަ، ބިރުވެރި ސިފައަކަށް ބަދަލުވެގެން ދިޔަތަން މުހައްމަދަށް ފެނުނެވެ. އެހެންމަވެސް ހަމަ ސިކުންތެއް ދެ ސިކުންތެއްގެ ތެރޭގައި ރިޟުވާނުގެ ސިފައަށް ބަދަލުވިއެވެ. ހީވީ އޭނާގެ އަސްލު ސިފަ މުހައްމަދަށް ދައްކާލިހެންނެވެ.
މުހައްމަދުގެ މޫނުމައްޗަށް ވީ ތަދަށް ވުރެ، ލިބުނު ސިހުން ބޮޑުވިއެވެ. ޝަނޫރާ ރޮއިރޮއިފައި އެ ގޮވި އެއްޗަކީ ހަގީގަތެއްކަން އޭނާއަށް ޔަގީން ކުރެވުނެވެ. އެހެންނަމަވެސް ދޯނީގައި ދެން ތިބި މީހުންގެ ތެރެއިން އެކަކަށް ވެސް މި ކަން ފާހަގަކުރެވުނުހެނެއް ހިޔެއް ނުވެއެވެ.
މުހައްމަދަށް ދިން ވަރުގަދަ ހަމަލާއަށް ފަހު، އަނެއްކާ ވެސް ރިޟުވާނު ހިނގައިގަތީ ކޮޅުފަސްކޮޅާ ދިމާއަށެވެ. މުހައްމަދު އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރާފައި ހުއްޓެވެ. ރިޟުވާނު އަންނަތަން ފެނިފައި ޝަނޫރާ އަނެއްކާ ވެސް ބިރުން ރޮއިގަތެވެ. ޒަކީގެ ގައިގައި ބާރަށް ބެއްދިއެވެ.
ރިޟުވާނު ކުޅަނދުރަކަށްވެގެން އަންނަތަން ފެނުމުން، މަޅުމަތީގައި އުނަގަނޑަށް ތަދުވެފައި އިން ސާމީއަކަށް ނީނދެވުނެވެ. އޭނާ ތެދުވެ، ޝަނޫރާއާއި ރިޟުވާނާ ދެ މީހުންގެ ދެމެދަށް ވަނެވެ. އޭރު ޝަނޫރާގެ މުޅި ހަށިގަނޑު ތުރުތުރުއަޅާކަން ޒަކީއަށް އެނގެއެވެ.
“ދުރަށްދޭ!” ގަދަ އަޑުން ރިޟުވާނު އިންޒާރު ދިނެވެ.
“ކަލޭ ކީއްވެތަ ތިހައި ނުލަފާވެގެން ތި އުޅެނީ؟” ސާމީ ވަރަށް ހަރުކަށިކަމާ އެކު ސުވާލު ކުރިއެވެ.
“ކަލޭމެންނަކަށް ނުޖެހޭނެ މަގޭ އަންހެނުންނާ މަށާ ދެމެދަށް ވަންނާކަށް! ހަމަ މިހާރު ދުރަށްދޭ! އެހެން ނޫނީ….”
“އެހެން ނޫނީ ކީއް ކުރެވޭނީ؟” އޭނާގެ ވާހަކަ މެދުކަނޑައިލަމުން، ސާމީ ވެސް ބާރަށް ސުވާލުކުރިއެވެ.
“ކީއްހޭ ކުރެވޭނީ؟”
ރިޟުވާނު ދެ ލޯ ބޮޑުކޮށްފައި ދަތްކުނޑިވިކައިގަތެވެ. ހަމަ އެ ވަގުތު ސާމީއަށް ހަމަލާ ދިނުމަށް ޓަކައި އޭނާ އަތް ހޫރައިލިއެވެ. މި ފަހަރު ސާމީ ހުރީ، އެ ވަރު ވިސްނައިގެންނެވެ. އޭނާ ވަރަށް ހުޝިޔާރުވެ ހުރެ، އެ ހަމަލާއިން ރެކިގަތެވެ. ހަމަ އެ ވަގުތު އަނެއްކާ އަނެއް ހަމަލާ، ސާމީއާ ދިމާއަށް ފޮނުވައިލިއެވެ. ފައިންނެވެ. އެ ހަމަލާ ވެސް ސާމީގެ ގަޔަކަށް ނޭރިއެވެ. އެހެންނަމަވެސް އެ ހަމަލާއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި، ތައްޓުމައްޗަށް ސާމީ ވެއްޓިއްޖެއެވެ. ނަސީބަކުން ޖެހުނީ ތަދުވާ ގޮތަކަށް ނޫނެވެ.
ލިބުނު ފުރުސަތުގައި ރިޟުވާނު ވަގުތުން ސާމީގެ ގައިމައްޗަށް ޖެހިގަތެވެ. އޭނާ ހިފީ ސާމީގެ ކަރުގައެވެ. ސާމީ ތެޅިގަތެވެ. އެއާ އެކު، ޝަނޫރާ ރޮއިގަތެވެ. ދިރުނބާކޮޅުގައި ހުއްޓުން އަރާފައި ހުރި މުހައްމަދަށް ހަމަހޭވެރިކަން އައީ އެ ވަގުތުއެވެ. ރިޟުވާނުގެ ބިރުވެރި ސޫރަ ފެނުމުން މުހައްމަދަށް އޭރު ވީ ގޮތް ހަމައަކަށް އެޅި، ހަމަ ބިމަށް ފޭބުނު އިރު، ކަމަކުދާކަށް ނެތެވެ. ދޯނިތެރެ މި އޮތީ ރޯވެފައެވެ. އޭނާ ވަގުތުން ދުއްވައިގަތެވެ. އޭރު ދޯނީގައި ތިބި އެހެން މީހުން ރިޟުވާނުގެ އަތްދަށުން ސާމީ ސަލާމަތް ކުރެވޭތޯ، ރިޟުވާނުގެ ދެ އަތުގައި ހިފައިގެން އުޅެއެވެ.
އެ މީހުންނާ ދިމާއަށް ދުއްވައިގަތް ވަގުތު، މުހައްމަދުގެ ލޮލުގައި އަޅައިގަތީ ދޯނީގެ އެއް ފަރާތުގައި އޮތް ދާވަންޏެވެ. އޭނާ ވަގުތުން ގުދުވެ، ދާވަނި ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. އެ ވަގުތު ރިޟުވާނު ހިންދެމިލައި، އޭނާގެ ކިބައިން ސާމީ ސަލާމަތްކުރަން އުޅުނު މީހުންތައް ފޮޅުވައިލިއެވެ. އެކި މީހުން އެކި ދިމާއަށް ވިއްސައިގެން ދިޔައެވެ. ނަސީބަކުން އެއްވެސް މީހަކު ހަފޮޅުން ބޭރެއް ނުވެއެވެ. ޖެހުނު ގޮތުން ބައެއް މީހުން ތިބީ ހިރި ނުލެވިފައެވެ.
ރިޟުވާނު ވަގުތުން ދުއްވައިގަތީ، ބިރުން ވިރިވިރި އިން ޝަނޫރާއާ ދިމާއަށެވެ. އޭރު ރިޟުވާނުގެ ސިފަ ވަނީ ބިރުވެރި ސިފައަކަށް ބަދަލުވެފައެވެ. ދޯނީގައި ތިބި އެންމެންނަށް ވެސް، އެ ސިފައިގައި ރިޟުވާނު ހުއްޓާ ފެނިއްޖެއެވެ. އެއާ އެކު އެންމެންގެ ހިތަށް ވެސް ވަނީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ.
ރިޟުވާނު އެ ދިޔަ ގޮތަށް ގޮސް، ޝަނޫރާ ނަގައި އުފުލާލައިފިއެވެ. އޭނާ އުޅުނީ ޝަނޫރާ ގޮވައިގެން މޫށް ފުންމައިލާށެވެ. އެ މަންޒަރު ފެނިފައި މުހައްމަދަށް ހަޅޭއްލަވައިގަނެވުނެވެ. އަތުގައި އޮތް ދާވަނިން އެ ބިރުވެރި މަޚުލޫގަށް ހަމަލާ ދޭން އޭނާ މަސައްކަތް ކުރިއެވެ. ލެވުނުހައި ބާރެއްލައިފައި ހޫރައި ވެސް ލިއެވެ. އެހެންނަމަވެސް ލައްވައެއް ނުލިއެވެ. އޭތި އެ ދިޔަ ގޮތަށް ގޮސް ޝަނޫރާ ގޮވައިގެން ކަނޑަށް ފުންމާލައިފިއެވެ.
މި ހިތްދަތި މަންޒަރާ އެކު އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހަޅޭއްލަވައިގެނެވުނެވެ. ސާމީއަށް ފުންމައިގެން ތެދުވެވުނެވެ. ރޮއިގެންފައި އޭނާއަށް ދުއްވައިގަނެވުނީ އޭތި ފުންމާލި ދިމާއަށެވެ. އަޑުގެ ކޮޅަށް ޝަނޫރާގެ ނަމުން ގޮވަމުން، އޭނާ އެ ދިޔަ ގޮތަށް ގޮސް، ދޯނީގެ މަތިކަންމަތީގައި އަތްއަޅައިފައި، ގުދުވެ ކަނޑަށް ބަލަންފެށިއެވެ. އަނދިރިކަމުން ތަނެއްދޮރެއް ނޭނގެއެވެ.
މުހައްމަދު އަވަސް އަވަހަށް ގޮސް ވަދު ފޮށީގައި ޓޯޗު ނަގައި ކަނޑަށް އަލިކުރާންފެށިއެވެ. އެކި ދިމަދިމާއަށް އަލިކުރަމުން ޝަނޫރާގެ އެއްވެސް ހިލަމެއްވޭތޯ އޭނާ ބަލަމުން ގެންދިޔައެވެ. އޭރު ވެސް ސާމީ އަޑުން އަޑުނަގައި ރޮމުން ގެންދެއެވެ. އޭނާ އަދިވެސް އޮތީ ހަމަ އެ ދިމާގައި ކަނޑަށް ބަލަން އޮތެވެ.
“ސާމީ! ތިހެން ނޯވެ މި ކޮޅަށް އާދޭ!”
މުހައްމަދަށް ޖުމުލަ ފުރިހަމަކޮށްލެވުނީ ހަމަ ކިރިޔާއެވެ. ސާމީ އޮތް ދިމާ ކަނޑުތެރެއިން ކުއްލިއަކަށް ބޮޑު ބަޑިއެއް އެޅި އަޑާ އެކު، އެ ދިމާއިން އެރި އަތަކުން ސާމީގެ ކަރުގައި ހިފައިފިއެވެ. ބަސްބުނާ ހިނދުން ސާމީ ކަނޑަށް ދަމައިގެންފިއެވެ.
“ސާމީ!” މުހައްމަދަށް އެ ދިމާއަށް ދުއްވައިގެނެވުނެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅަށް ހުއްޓުން އެރީ، ކުއްލިއަކަށް ދޯނި ދެ ފަރާތަށް ހަލުވައިގަތުމުންނެވެ. ހީވީ ކުއްލިއަކަށް ކަނޑުގެ ރާޅުތައް އުފުލި ދޯންޏަށް ހަމަލާދޭންފެށިހެންނެވެ. ދޯނީގައި ތިބި އެންމެން ބިރުން ހަޅޭއްލަވައިގަތެވެ.
މި ނާޒުކު ދަނޑިވަޅުގައި މުހައްމަދަށް ގޮތް ހުސްވިއެވެ. ކަނޑުވި ދެ މީހުންގެ ޚަބަރެއް ނުބަލައި، އެ ތަނުން ދާކަށް ހިތެއް ނޭދުނެވެ. އެކަމަކު ދޯނި ހަކުވާވަރުން ހީވަނީ ދެންމެ ދެންމެ ފެތިދާނެހެންނެވެ. އިތުރު ގޮތެއް ނެތުމުން، އޭނާ އަވަސްއަވަހަށް ގޮސް އިންޖީނު އިސްޓާޓުކޮށް ދޯނި ކުރިއަށް ދުއްވާލިއެވެ. އެއާ އެކު ދޯނި ހެލުވުން މަޑުވެއްޖެއެވެ.
ކަން ހިނގި ގޮތުގެ ޚަބަރު ދިނުމާ އެކު، ވަގުތުން ފުލުހުންނަށް އަންގައިގެން ރަށުގެ ރައްޔިތުންނާއި ފުލުހުން، ގެއްލުނު މީހުން ހޯދަން މަސައްކަތްފަށައިފިއެވެ. އޭރު މުޅި ރަށަށް ވަނީ ހިތާމައިގެ ބޮޑު އޮއިވަރެއް ފެތުރި، ރަށު ރައްޔިތުންގެ ލޮލުން ކަރުނަ އޮހޮރުވާލައިފައެވެ. ދެ މީހަކު މަރުވެ، ތިން މީހަކު ގެއްލުމުގެ ފުން ހިތާމައެވެ.
ޖެހިގެން އައި ދުވަހުގެ ނުވައެއްޖަހައި އެހައިކަން ހައި އިރު، ރަށުގެ ހުޅަނގުފަރާތު ގޮނޑު ދޮށަށް ސާމީއާއި ޝަނޫރާގެ ފުރާނަ ނެތް މަސްގަނޑު ލައްގާފައި އޮއްވާ ފެނުނެވެ. ހަފުތާއެއްހައި ދުވަހު މަސައްކަތްކުރި އިރު ވެސް، ރިޟުވާނުގެ ޚަބަރެއް ނުވުމުން، އެންމެ ފަހުން އޭނާ ހޯދުން ހުއްޓާލީއެވެ. މަރުވެ ދިޔަ މީހުންގެ ހިތާމައިގައި އެ އާއިލާތައް، އެތައް ދުވަހެއް ހޭދަކުރިއެވެ.
ނިމުނީ
Be the first to comment