އެއް ދުވަހަކު ބޯކޮށާ މީހެއްގެ ގާތަށް މުސްލިމު ޒުވާނަކު ބޯކޮށަން ދިޔައެވެ. ބޯކޮށާ މީހާ މުސްލިމު ޒުވާނާގެ ބޯކޮށަން ފެށުމަށްފަހު، ތަފާތު އެކި ކަހަލަ ވާހަކަތައް ދައްކަމުން ގެންދިޔައެވެ. މި ގޮތަށް ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރޭގައި ބޮކޮށާ މީހާ ބުނެފިއެވެ.
“ތިމަންނަ ﷲއަކަށް އީމާނެއް ނުވަން!” ބޯކޮށާ މީހާ ވަރަށް ހަމަޖެހިލާފައި ޒުވާނާގެ މޫނަށް ބަލައިލިއެވެ.
“ކީއްވެ ﷲއަށް ކަލޭ އީމާން ނުވަނީ؟” މުސްލިމު ޒުވާނާ ސިހިފައި ސުވާލުކުރިއެވެ.
“ވަރަށް ބައިވަރު ނުފުދި ހުރި ބޭނުންތައް އަހަރެންގެ އެބަހުރި. ހައްލުކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން ހައްލުނުވެ އެބަ ހުރި. އެހެންނަމަވެސް މިއިން އެއްވެސް ކަމެއްގައި ﷲ އަހަންނަކަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދެއްވާ. އެއްވެސް ކަމެއް ހައްލުކޮށެއް ވެސް ނުދެއްވާ. އެހެންވީމާ ﷲއަކީ ވުޖޫދުގައި ވާ ފަރާތެއްކަމަކަށް އަހަރެން ގަބޫލެއް ނުކުރަން!”
ބޯކޮށާ މީހާގެ މި ވާހަކައަށް، ޒުވާނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ބޯކޮށާ ނިމޭންދެން މަޑުމަޑުން އިނީއެވެ. ބޯކޮށާ ނިމުމުން އުޖޫރަ ދީފައި، މަޑުމަޑުން ނިކުމެގެން އޭނާ ހިނގައްޖެއެވެ.
ކުޑަ އިރުކޮޅެއް ފަހުން ޒުވާ ދުވެފައި އައިސް ބޯކޮށާ ތަނަށް ވަދެއްޖެއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނާން ހުރީ ނުރުހުމުގެ ކުލަވަރެވެ. ބޯކޮށާ މީހާއަށް މި މަންޒަރު ފެނިފައި ސުވާލުގެ ނަޒަރަކުން ބަލައިލެވުނެވެ. ކިހިނެއްވީހޭ އަހައިލައި ކަހަލަ ނަޒެކެވެ.
“ކަލޭ ތީ ހަމަ ހަގީގަތުގައި ވެސް ބޯކޮށާ މީހެއްތަ؟” ބޯކޮށާ މީހާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ، ހަރުކަށި ރާގަކަށް ޒުވާނާ ސުވާލުކުރިއެވެ.
“އާނ!” ބޯކޮށާމީހާ ހައިރާންވެ ހުރެ ޖަވާބު ދިނެވެ.
“ކަލޭ ތީ ބޯކޮށާ މީހެއް ނޫން! މަ ގަބޫލެއް ނުކުރާނަން ކަލެއަކީ ބޯކޮށާ މީހެއް ކަމަކަށް!” ޒުވާނާ ބޯ ހަލުވައިލަމުން ބުންޏެވެ.
“އެއީ ކީއްވެ؟” ބޯކޮށާ މީހާގެ ހައިރާންކަން އިތުރުވިއެވެ.
“ދެންމެ އަހަރެން ގެއަށް މި ދިޔަ މަގުމަތީގައި، ވަރަށް ބޮޑަށް ބޯދިގުވެފައި ހުރި މީހަކު އަހަންނަށް ފެނިއްޖެ! އޭނާގެ ބޯ ވަނީ ހޭވި ވަރަށް ހަޑިވެފަ. އޭނާ ހުރީ ބޯ ކޮށަންޖެހިފަ. އެކަމަކު ކަލޭ އޭނާގެ ބޯ ކޮށައެއް ނުދެމެއްނު! އެހެންވީމާ ކަލެއަކީ ބޯކޮށާ މީހެއް ކަމަކަށް މަށެއް ގަބޫލެއް ނުކުރާނަން!”
“ތިބުނާ މީހަކު މަގޭ ގާތަށް ބޯ ކޮށާކަށް ނާދޭ! މަގޭ ގާތަށް އޭނަ އައި ނަމަ ކޮށައިދިނީމުސް!”
“އެހެންދޯ!” ޒުވާނާ ބޯޖަހައިލިއެވެ. “އެހެންވީމާ ކަލޭ ވެސް ތި ހުރީ ހަމަ އެ މީހާގެ ހާލަތުގައެއްނު!”
“ކީކޭ ތިބުނީ؟”
“މި ބުނީ ބޯ ދިގުވެފައި ހުރި މީހެކޭ ކަލެއެކޭ އެއްވެސް ތަފާތެއް ނެތޭ!”
“އެއީ ކީއްވެ؟”
“ކަލޭ ވެސް ކަލޭގެ އެތައް ބޭނުމެއް ނުފުދި އެތައް މައްސަލައެއް ހައްލުނުވެ ހުރި އިރު، ﷲގެ ހަޟުރަތުގައި ނޭދެމެއްނު! ކަލޭގެ ނުފުދި ހުރި ބޭނުންތައް ފުއްދައިދެއްވަން ﷲގެ ޙަޟުރަތުގައި އެދުނު ނަމަ ކަލެއަށް އެކަންކަން ﷲ ފުއްދަވައިދެއްވާނެ!”
ބޯކޮށާ މީހާ ބަހަކުން ބަހެއް ނުބުނެ ޒުވާނާއާ ދިމާއަށް ބަލަން ހުއްޓެވެ.
“އެކަލާނގެ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވަނީ ކީކޭކަން އެނގޭތަ؟ ނޭނގެންޏާ އަޑުއަހާ! އެކަލާންގެ ވަހީކުރައްވާފައިވަނީ “ކަލޭގެ ފާނުގެ އަރިހުގައި ތިމަން އިލާހުގެ އަޅުތަކުން، ތިމަން އިލާހާ ބެހޭގޮތުން ސުވާލުކޮށްފި ނަމަ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަން އީލާހީ ކުއްތަންވެވޮޑިގެންވާ އިލާހެވެ. ތިމަން އިލާހަށް ދުޢާއެއް ކޮށްފި ނަމަ، އެ ދުޢާއަށް ތިމަން އިލާހު ޢިޖާބަދެއްވާ ހުށީމެވެ.”
“އެހެންތަ؟”
“އާނ! ﷲގެ ޙަޟުރަތުގައި އަހަރެމެން އިޚުލާސްތެރިކަމާ އެކު ދުޢާއެއް ކޮށްފި ނަމަ، އެ ދުޢާއެއް އެކަލާނގެ އައްސަވައިވޮޑިގަންނަވާނެ! އެ ދުޢާއާ މެދު އެ ކަލާނގެ ކޮންމެވެސް ގޮތެއް ނިންމަވާނެ! އަހަރެމެން އޮފީހަކަށް ލާ ސިޓީއެއް، އޮފީހުގެ ވެރިޔާއާ ހަމައަށް ނުގޮސް، ކުނިވަށިގަނޑަށް ދާހެން ބޭކާރުވެގެނެއް ނުދާނެ!”
ޒުވާނާގެ ވާހަކަ އަޑުއަހަން ހުރެފައި ބޯކޮށާ މީހާއަށް ބޯޖަހައިލެވުނެވެ.
މައުލޫމާތު: އައްޝައިޚު އަހުމަދު ސަމީރުގެ ދަރުހަކުން
Be the first to comment