އެންބިއުލާންސް ޑުރައިވަރު

އޭނާއަކީ ސަރުކާރު ހަސްފަތާލެއްގެ އެންބިއުލާންސް ޑުރައިވަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ، ދެބައި އުމުރުގެ މީހެކެވެ. އޭނާގެ ކަމަކަށް އޮންނަނީ ވަޒީފާގެ މަސައްކަތެވެ. ދެން އޮންނާނި ރައްޓެހިންނާ އެކު ކޮފީ ބުއިމާއި ސިގިރެޓް ބުއިމެވެ. އަނބިދަރީންނަށް ވެސް އަޅައިލައި އެހީތެރިކަން ފޯރުކޮށްދެއެވެ. މުސްލިމެއްގެ ނަމުގައި ހުރި ނަމަވެސް، ދީނީ ކަންކަމަށް އިސްކަމެއް ނުދެއެވެ. ނަމާދެއް ނުކުރެއެވެ. ހެއްދެވި ފަރާތެއް ވާކަމެއް ހަނދާނެއް ނުހުރެއެވެ. އެ މަޢުޟޫއަށް މީހަކު ވާހަކައެއް ދެއްކިޔަސް ޝައުޤުވެރިކަމެއް ނުހުރެއެވެ.

އަދާކުރާ ވަޒީފާގެ ބާވަތުން ވަރަށް ތަފާތު މަންޒަރުތައް ކޮންމެ ދުވަހަކު ވެސް އޭނާއަށް ފެނެއެވެ. ބަލި މީހުންނާއި ތަފާތު ވޭންތައް ތަހައްމަލުކުރަމުން ދާ މީހުންނެވެ. އެކި ކަހަލަ ހާދިސާތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނާއި މަރުގެ ތުންފަތްމަތީގައި ތިބޭ މީހުންނެވެ. ބައެއް ފަހަރު މަރުވެފައި ތިބޭ މައްޔިތުން އުފުލާން ވެސް އޭނާއަށް ޖެހެއެވެ. އެހެންނަމަވެސް މި ފަދަ އެއްވެސް ކަމަކުން އޭނާގެ ހިތަކަށް އަސަރެއް ނުކުރެއެވެ. ބިރެއް ނުގަނެއެވެ. މާދަމާ އޭނާއަށް މި ފަދަ ހާލަތެއް ކުރިމަތިވެދާނެއެކޭ ހިތަކަށް ނާރައެވެ.

އެއް ރެއެއްގެ މެންދަމުން އަލިވެ ދޭއްޖަހައި އެހައިކަން ހައި އިރެވެ. ޑްރައިވަރު އޮތީ އޭނާގެ ގޭގައި ނިދާން އޮށޯވެއެވެ. ލޮލަކު ނިންޖެއް ނެތެވެ. އަތުގައި އޮތީ ފޯނެވެ. އެހެން އޮއްވާ އޭނާއަށް ފޯނެއް އަތުވެއްޖެއެވެ. ގުޅީ ހަސްފަތާލުންނެވެ. އޭނާ ފޯނު ނެގުމުން އެންގީ ވަރަށް އަވަހަށް ހޮސްޕިޓަލަށް އައުމަށެވެ. އެއީ އޭނާއަށް އައު ކަމެއް ނޫނެވެ.

ފޯނުކޯލު އައުމާ އެކު އޭނާ ތެދުވެ، އަވަސްއަވަހަށް ތައްޔާރުވެލައިގެން ނިކުމެއްޖެއެވެ. ދުންޖަހާފައި ހަސްފަތާލަށް ދިޔައެވެ. އެތަނުން އެންގީ ވީ އެންމެ އަވަހަކަށް އެންބިއުލާންސްގައި ދަތުރެއް ކުރުމަށެވެ. މަގުމަތީގެ އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ބަލައި ދިޔުމަށެވެ. ހާދިސާ ހިނގިތަން ކިޔައިދިނުމުން، އޭނާ ވަގުތުން އެންބިއުލާންސަށް އަރައި، އެ ދިމާއަށް މިސްރާބުޖަހައި ދުއްވާލައިފިއެވެ. މި ފަދަ ދަތުރުތައް ކުރުމަކީ އޭނާއަކަށް އައު ކަމެއް ނޫނެވެ.

ފަނަރަވަރަކަށް މިނެޓުގެ ދަތުރަކަށްފަހު އެ ހިސާބަށް ދެވިއްޖެއެވެ. އެއީ ސަހަރުގެ މީހުން އުޅޭ ސަރަހައްދާ މާ ދުރު ހިސާބެކެވެ. އޭނާއަށް އެ ތަނަށް ދެވުނު އިރު، އެ ހިސާބުގައި ކަރަންޓެއް ނެތެވެ. ފެންނަނީ އަނދިރިކޮށެވެ. އޭނާ އެންބިޔުލާންސުން ފައިބައި ސިގިރެޓެއް ރޯކޮށްލިއެވެ. އެއަށްފަހު އެކްސިޑެންޓް ވެފައި އޮތް ކާރާ ދިމާއަށް ހިނގައިގަތެވެ. އެ ކާރު އޮތީ އެ ތަނުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިފައެވެ. ޖެހުނުލެއް ބާރުކަމުން ކާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހޮޅިދަނޑި ވެސް އޮތީ ވެއްޓިފައެވެ. ކަރަންޓް ކެނޑުމުގެ އަސްލަކީ އެއީ ކަންނޭނގެއެވެ.

މެޅި ފަށްފަށްވެފައި އޮތް ކާރުގެ ކައިރިއަށް ޑްރައިވަރު ގޮސް ހުއްޓި، އަތުގައި އޮތް ފޯނުން ކާރު ތެރެއަށް އަލިކޮށްލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ ކާރުތެރޭގައި ތާށިވެފައި އޮތް ދެބައި އުމުރުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ އެތަން މިތަން ވަނީ ޒަޚަމްވެފައެވެ. އެ މީހާ އެ ހާލުގައި އޮތް އިރު ވެސް، އޭނާގެ މޫނުމަތީންނާއި އިސްތަށި ބޯ ތުނބުޅީން ފެންނާން ހުރީ އުޖާލާކަމެވެ. އަލިކަމެވެ. އޭނާގެ އެ މޫނުގެ އުޖާލާކަމުން، ކާރުތެރެ ވެސް އަލިވެފައިވާ ކަހަލައެވެ.

ދެ އިނގިލި ދޭތެރޭގައި އޮތް ސިގިރެޓް ތުނބުގައި ޖަހައިލުމަށްފަހު، ޑްރައިވަރު އަވަސްއަވަހަށް އޭނާ ކާރުން ނެރެވޭތޯ މަސައްކަތްފެށިއެވެ. އެ ވަގުތު އެ މީހާ ވަރުދެރަ ގޮތަކަށް ލޯ ހުޅުވައިލައި، ޑްރައިވަރާ ދިމާއަށް ބަލައިލިއެވެ.

“ތި އުޅެނީ އަހަންނަށް އެހީތެރިވާން ތަ؟” އޭނާގެ އަޑުގައި ވެސް ހުރީ ބަލިކަށިކަމެވެ.

“އާނ!” ޑްރައިވަރު އަވަސްއަވަހަށް ބޯޖަހައިލިއެވެ.

“އެހެންވިއްޔާ ތިޔަ ސިގިރެޓް އެއްލައިލާ!” އޭނާ ވަރަށް އޯގާވެރިކަމާ އެކު ބުނެލިއެވެ. އެއަށްފަހު ލޯ މަރައިލިއެވެ.

“މީ އަނެއްކާ ކޮން ކަހަލަ މީހެއްބާ؟ މި ހާދިސާގައި މީނާގެ ބުއްދި ވެސް ފިލައި ގޮސްފައިކަންނޭނގެ މި އޮތީ.” ޑްރައިވަރުގެ ހިތަށް އެރިއެވެ.

އެ މީހާ އެދުނު ފަދައިން ޑްރައިވަރު ސިގިރެޓް ނިވާލައިފައި އެއްލައިލިއެވެ. އެއަށްފަހު އަނެއްކާ ވެސް އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ. އެ ވަގުތު އަނެއްކާ ވެސް އޭނާ ޑްރައިވަރުގެ މޫނަށް ބަލައިލިއެވެ.

“އަހަރެން ސަލާމަތްކުރަން ވަރަށް ބޭނުން ދޯ!”

“އާނ!”

“އެހެންވިއްޔާ އަހަރެން ބޭނުން އޭގެ ކުރިން ތިބާއަށް ނަސޭހަތެއް ދޭން!”

“އެންމެ ރަނގަޅު، އަވަހަށް ދީ!”

އޭނާ ވަރަށް ޝައުޤުވެރި ނަޒަރަކުން ޑްރައިވަރާ ދިމާއަށް ބަލައިލިއެވެ. އަދި ވަރަށް ލަސްލަހުން ވާހަކަ ދައްކަންފެށިއެވެ.

“އުމުރަކީ ވަރަށް ކުރު އެއްޗެއް! މަރު އޮތީ ވަރަށް ގާތުގައި. މަރަށް ބިރުވެތިވާތި! ﷲއަށް ކިޔަމަންތެރިކަން އަދާކޮށް، މައިންބަފައިންނަށް ހެޔޮކޮށް ހިތާތި! ހަނދާންކުރާތި! ވިޔާނުދާ އެކުވެރިން ޚިޔާރުނުކުރާތި! އެއީ ތިމާގެ ހަލާކު!”

މިހައި ހިސާބަށް ބުނެފައި ދެން އިވުނީ އޭނާ ޝަހާދަތުގެ ދެ ކަލިމަ ކިޔާލި އަޑެވެ. އަދި މަޑުމަޑުން ދެ ލޯ މަރައިލިއެވެ. އެއާ އެކު އޭނާގެ ކަނދުރާގެ ބާރު ކެނޑި، ބޯ އެއް ފަރާތަކަށް އެލިއްޖެއެވެ. އާއެކެވެ! އޭނާ މަރުވީއެވެ. އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން!

މި މަންޒަރު ފެނިފައި އެތައް އިރަކު ޑްރައިވަރަށް ހުއްޓުން އަރާފައި ހުރެވުނެވެ. މި ފަދަ އެތައް ހާދިސާއަކާއި ފުރާނަ ނެތް އެތައް ބަޔަކު ފެނި، އެ މީހުން ދެއަތް ދަނޑިމަތީގައި އުފުލާފައިވާ ޑްރައިވަރަށް، މި މަންޒަރުން އެހެންޏާ ނުކުރާ ފަދަ އަސަރުތަކެއް ކޮށްފިއެވެ.

ޑްރައިވަރު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން، އަވަސްއަވަހަށް އެ މީހާގެ ހަށިގަނޑު ކާރުން ނެރެ، އެންބިއުލާންސަށް އަރުވައިގެން ހަސްފަތާލަށް ގެންގޮސްފިއެވެ. އެއަށްފަހު އެނބުރި ގެއަށް ހިނގައްޖެއެވެ. އޭރު އެ މެންދަމުން އަލިވެ ތިން ގަޑި ބައިވެ ބޮޑުވެއްޖެއެވެ.

އޭނާ ފެންވަރާލައިގެން އެނދުގައި އޮވެ ނިދޭތޯ މަސައްކަތްފެށިއެވެ. އެހެންނަމަވެސް ލޮލަކަށް ނިންޖެއް ނައެވެ. ލޯ މަރައިލާކަށް ވެސް ބޭނުމެއް ނުވިއެވެ. އޭނާގެ ސިކުނޑިއަށް ވެރިވެފައިވަނީ، މި ރޭގެ ހާދިސާއެވެ. އޭނާގެ ލޮލަށް ސިފަވަމުން ދިޔައީ، މަރުވި މީހާގެ އުޖާލާ އަލި މޫނެވެ. ކަންފަތުގައި ގުގުމާންފެށީ، އޭނާ ދިން ނަސޭހަތުގެ މަދު، އެހެނަސް ބުރަދަން ބޮޑެތި ލަފުޒުކޮޅެވެ. އެ ލަފުޒުކޮޅާ މެދު ވިސްނާން، އޭނާގެ ނަފުސު އޭނާއަށް މަޖުބޫރުކުރިއެވެ. މި ދިޔަ ދުވަސްތަކުގައި އޭނާއަށް އުޅެވުނީ ކޮން ފަދަ ގޮތަކަށް ހެއްޔެވެ؟ އާއެކެވެ. އުމުރު ވަރަށް ކުރެވެ. މަރު ވަރަށް ގާތެވެ. އެހެންނަމަވެސް އޭނާއަކަށް ﷲ މަތިން ހަނދާނެއް ނުކުރެވެއެވެ. މައިންބަފައި ދުނިޔޭގައި ތިބި ނަމަވެސް، ކުޑަމިނުން ހާލު ވެސް ބަލައެއް ނުލެވެއެވެ. ގާތްކަން ބޭއްވުނީ ފާޙިޝް އަމަލުތަކަށް ތަރުހީބުދެމުން ގެންދިޔަ އެކުވެރީންނާއެވެ.

ޑްރައިވަރުގެ ދެ ލޯ ކަރުނައިން ތެމޭން ފަށައިފިއެވެ. އުމުރުން ގެއްލިގެން ދިޔަ ބައި ހޭދަވެގެން ދިޔަ ގޮތްތައް، އޭނާގެ ހިތަށް ތަދުކުރާންފެށީއެވެ. ގާތްތިމާގެ މީހުންނާއި ލޯބިވާ އަނބިމީހާ، ތަކުރާރުކޮށް ދީފައި ހުރި ނަސޭހަތްތަކުގެ އަޑުތައް ކަންފަތްބުޑުގައި ގުނަވާންފެށީއެވެ. އިރުކޮޅަކުން އޭނާއަށް ރޮވޭންފަށައިފިއެވެ. ބިތްދޮށުގައި ނިދާފައި އޮތް އަނބިމީހާއާ ދިމާއަށް ބަލައިލަމުން އޭނާ ތެދުވިއެވެ. ގޮސް ވަނީ ފާޚާނާއަށެވެ. ބޭނުންވީ ހިތް ފުރޭންދެން ރޮއިލާށެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑު ޑްރައިވަރުގެ ކަންފަތުގައި ޖެހުނު އިރު ވެސް އޭނާ ހުރީ ފާޚާނާގައެވެ. މާޒީގެ ކަޅު ދުވަސްތަކާ މެދު ހިތާމަކުރާށެވެ. އޭނާ ފާޚާނާއިން ނިކުތް އިރު، އަންހެނުން ތެދުވެ އެނދުމަތީގައި އިނެވެ. އަންތަރީހުގެ ނަޒަރަކުން ބަލާށެވެ. އޭނާ ވުޟޫކޮށްގެން ނިކުތްތަން ފެނިފައެވެ.

“ކޮންތާކަށް؟”

“މިސްކިތަށް.” އޭނާގެ އަޑުގައި ހުރީ މޮޅިވެރިކަމެވެ.

ޒަމާންގަނޑަކަށްފަހު ފިރިމީހާ ޖަމާޢަތަށް މިސްކިތަށް ދިޔުމަށް ޓަކައި ގެއިން ނިކުތަން ފެނިފައި، އަނބިމީހާގެ ދެ ލޮލުން އުފާވެރިކަމުގެ ކަރުނަތިކިތައް ވިދައިގަތެވެ. އޭނާ އެ ކަމަށް އެދި ﷲގެ ހަޟުރަތުގައި ދުޢާކުރާތާ، ކައިވެންޏަށް ވީ ދުވަހެއް ވެދާނެއެވެ. މި ރޭ ވެސް އޭނާ ނިދީ ދުޢާމަތީގައި އޮވެއެވެ. އެ ދުޢާ ﷲ ޢިޖާބަކުރައްވައިފިއެވެ. އަލްހަމްދުލިﷲ!

މައުލޫމާތު: ޔޫޓިއުބް.

Be the first to comment

ޚިޔާލު