ފެނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ، އަހަރެމެން އިންސާނުންނަށް ހަދިޔާކުރެއްވި އެތައް ހާސް ނިއުމަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް ޚާއްޞަ ނިޢުމަތެކެވެ. އެއީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރެއިން ދެއްވި އެންމެ މަތިވެރި އެއް ނިޢުމަތެވެ. ނޭވާލުމަށް ބޭނުންވާ ވައި ނުވަތަ އޮކްސިޖަން ބޭނުންވާ ފަދައިން، ދިރޭ ކޮންމެ މަޚުލޫޤަކަށް ވެސް ފެނަކީ ބޭނުންތެރި އެއްޗެކެވެ. އޭގެތެރެއިން ވެސް ޒަމްޒަމްފެނަކީ، އެހެން ހުރިހައި ފެނަކަށްވުރެ މަތިވެރި ފެނެކެވެ. އެއީ މުޢުޖިޒާތެއްގެ ގޮތުގައި ﷲ ތަޢާލާ ލައްވާފައިވާ ފެނެކެވެ.
ސައްޔިދިނާ اسمعيل عليه اسلام އާއި އެކަލޭގެފާނުގެ މަންމާފުޅު، ހާޖަރުގެފާނާ އެކު އިބްރާހީމްގެފާނު މައްކާއަށް ވަޑައިގަތެވެ. އެހެންނަމަވެސް ވަކި ހިސާބަކަށް ވަޑައިގެންފައި، އެ ދެމައިކަނބަލުން މައްކާގެ ހަނަފަސް ބިމަށް ދޫކުރެއްވުމަށްފަހު، އަމިއްލަ ވަޒަނަށް ވަޑައިގަންނަވަން އިބްރާހީމްގެފާނަށް ޖެހިވަޑައިގަތެވެ. ﷲގެ އަމުރުފުޅަށެވެ. އެކަލޭގެފާނު ވަޑައިގެންނެވިފަހުން، ހާޖަރުގެ އަތްޕުޅުގައި ހުރި ފެންފޮދު ހުސްވެއްޖެއެވެ. ތުއްޕުޅު اسمعيلގެފާނު ފެންފޮދަކަށް އެދިވަޑައިގެން ކީރިތިކުރައްވަން ފައްޓަވައިފިއެވެ. ހާޖަރުގެފާނު ކަންބޮޑުވެވަޑައިގެން، ފެންފޮދެއް ލިބޭތޯ ޞަފާއާއި މަރުވާއާ ދެމެދު ދުވެވަޑައިގަންނަވަން ފެއްޓެވިއެވެ. އެ ހާލަތުގައި ހާޖަރުގެފާނު އުޅުއްވަނިކޮށް ފެނިވަޑައިގަތީ، އެ ހަނަފަސް ބިމުން ފެންއާރެއް ކޯދުލާތަނެވެ. އެއީ ކުރިން އެ ތަނުގައި އޮތް ފެންއާރެއް ނޫންކަން ހާޖަރުގެފާނަށް އެނގިވަޑައިގަތެވެ. އެއީ ޒަމްޒަމްފެނެވެ. ޒަމްޒަމްފެނަކީ އަންތަރީހުގެ ކަށި އަށްޑިހައަށް އަރާ ފަދަ އެތައް ޚާއްޞިއްޔަތެއް އެކުލެވޭ މުޤައްދަސް ފެނެކެވެ.
ޒަމްޒަމްވަޅަކީ ދުނިޔޭގައި އޮތް އެންމެ މާތް ބިމުގައި، އެ ބިމުގެ އެންމެ މުޤައްދަސް ހިސާބުގައި ހުރި ވަޅެކެވެ. އެ ވަޅުގެ ފެނަކީ، އެންމެހައި މުސްލިމުންގެ ހިތްތައް ފަތަޙަކޮށްފައިވާ ފެނެކެވެ. މުސްލިމުން އެ ފެނަށް ޓަކައި އަބަދާއި އަބަދު އެދިއެދި ތިބޭ ފެނެކެވެ. އެ ފެނުގެ ބަރަކާތްތެރިކަން ހާސިލުކުރަން ކެތްމަދުވެފައިވާ ފެނެކެވެ. މި ފެނުގައި ލޮނާއި މަޢުދަންގެ މާއްދާ އެންމެ އެކަށީގެންވާ މިންވަރަށް އެކުލެވިފައިވެއެވެ. ކެލްސިއަމްއާއި، ސޯޑިއަމް ފަދަ މާއްދާތަކުން ވަނީ މުއްސަނދިވެފައެވެ. އަދި މެގްނޭޒިއަމްއާއި ޕޮޓޭސިއަމްގެ އިތުރުން ކްލޮރައިޑް ވެސް މަތީ މިންވަރަކަށް އެކުލެވިފައިވެއެވެ. ތިމަރައާއި ސެލެނިއަމް ފަދަ މާއްދާތައް، އެކުލެވިފައިވާ މިންވަރު، ނިސްބަތުން ދަށެވެ. އޭގެ ސަބަބުން އާދައިގެ ފެނުގައި ހުންނަ ފަދަ ވިހަ މާއްދާތަކުގެ ނުރައްކަލުން ޒަމްޒަމްފެން ވަނީ ބަރީއަވެފައެވެ.
ޒަމްޒަމްފެން ބޮއިގެން އިންސާނުންނަށް ގިނަގުނަ ފައިދާތައް ލިބޭކަން، ސައިންވެރިންގެ ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. އޭގެތެރޭގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ، ކެންސަރު ބައްޔަށް ޝިފާ ލިބޭކަން ވަނީ ކަށަވަރުވެފައެވެ. ފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، ޒަމްޒަމް ފެނުގެ ސަބަބުން ކެންސަރުގެ ޓިއުމަރ ހަށިގަނޑުގައި އުފެދި ބޮޑުވުމަށް ހުރަސް އެޅެއެވެ. މީގެއިތުރުން ހަޖަމުކުރުމުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކަށް ވެސް ޒަމްޒަމްފެން ފަރުވާއަކަށް ވެއެވެ. ކާތަކެތި ހަޖަމުކުރުމަށް އެޅޭ ހުރަސްތަކާއި ބަނޑުގައި ވައި އުފެދުމުން ސަލާމަތްކޮށްދެއެވެ.
ދިފާޢީ ނިޒާމުގެ ބާރު ގަދަކޮށްދިނުމަކީ ވެސް، ޒަމްޒަމް ފެނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ލައްވާފައިވާ މަންފާއެކެވެ. ބޮޑެތި މީހުންގެ އިތުރުން ކުޑަކުދީންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ވެސް މި ފެނުން ހެޔޮ އަސަރުކުރެއެވެ. އަދި ހަށިގަނޑުގައި ބާރު ޖައްސައިދީ، ހަކަތަ އުފައްދައި ދިނުމުގައި، މުހިންމު ދައުރެއް އަދާކުރެއެވެ. ސިއްހަތަށް ފައިދާހުރި އެކި ކަހަލަ ކާނާއިން ހަށިގަނޑަށް ފޯރުކޮށްދޭ ތަފާތު ވިޓަމިންތަކާއި އެހެނިހެން މާއްދާތައް، ޒަމްޒަމްފެނުން ހަށިގަނޑަށް ލިއްބައިދޭކަން ވެސް ވަނީ ތަހުލީލުތަކުން ސާބިތުވެފައެވެ. ނަތީޖާއެއްގެ ގޮތުން ބުރަ މަސައްކަތް ކުރުމަށް ޓަކައި ބޭނުންވާ ދުޅަހެޔޮކަމާއި ހުޝިޔާރުކަން އިންސާނާގެ ކިބައިގައި އިތުރުކޮށްދިނުމުގައި ޒަމްޒަމް ފެން އެހީތެރިވެދެއެވެ.
ޒަމްޒަމް ފެން ގަވާއިދުން ބޯ ނަމަ، އަރިދަފުސް ރޯގާ ފަދަ ބަލިތަކުން، އިންސާނީ ނަފުސު ސަލާމަތްކޮށްދީ ރައްކާތެރިކޮށްދެއެވެ. އެއީ އެ ފެނުގައި މި ބާވަތުގެ ބަލިތަކުން ސަލާމަތްކޮށްދޭ މާއްދާތައް އެކުލެވިފައި ހުރުމުގެ ސަބަބުންނެވެ. ހަމަ އެހެންމެ ހިތުގެ ބަލިތަކާއި ލޮލަށް ދިމާވާ ތަފާތު މައްސަލަތަކާއި ހަކުރު ބައްޔާއި ކިޑްނީގެ ބަލިތަކުން ވެސް އިންސާނާ ސަލާމަތްކޮށްދެއެވެ. އަދި ބޮލުގެ ރިހުމަށް ވެސް މިއީ، ވަރަށް ރަނގަޅު ފަރުވާއެކެވެ. އެހެންކަމުން ގައިންގަޔަށް އަރާ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތަކަށް ވެސް ޒަމްޒަމްފެން ޝިފާއަކަށް ވެއެވެ. އަދި އާއްމުކޮށް ޒަމްޒަމް ފެން ބޯ މީހުންގެ ހިރުގަނޑަށާއި ދަތްތަކަށް ޖެހޭ ތަފާތު އެކި ކަހަލަ ބަލިތައް ޖެހޭލެއް ކުޑަކަން ދިރާސާތަކުން ފާހަގަވެއެވެ. ސަބަބަކީ ޒަމްޒަމް ފެނުގައި ފްލޮރައިޑް ހުންނަ މިންވަރު މަތިވުމެވެ. ފްލޮރައިޑަކީ ދަތުގެ ރައްކާތެރިކަމަށް މުހިންމު މާއްދާއެކެވެ. މީގެއިތުރުން ރޭޑިއޭޝަންގެ ނުރައްކަލުން ހަށިގަނޑު ދިފާޢުކޮށްދޭ އައްޑަނައަކަށް ވެސް، ޒަމްޒަމްފެން ވަނީ ވެފައެވެ.
ޖަޕާނުގެ މަޝްހޫރު ސައިންސްވެރިއެއް ކަމަށްވާ މަސާރޫ އީމޯޓޯ ވަނީ، ޒަމްޒަމްފެނާ ބެހޭ ގޮތުން އެތައް ދިރާސާއެއް ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުން، ޒަމްޒަމްފެނުގައި ކީރިތި ޤުރުއާނުގެ އަޑު ޖެހުމުން، ނުވަތަ ﷲގެ އިސްމުފުޅުތަކުގެތެރެއިން އިސްމުފުޅެއްގެ އަޑު ޖެހުމުން އެކަމުގެ އަސަރު އެ ފެނަށްކުރެއެވެ. އީމޯޓޯ ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ލިޔުނު ފޮތް “މެސެޖަސް ފްރޮމް ވޯޓަރ އެންޑް ދަ ޔުނިވަރސް” ގައި ބުނެފައިވާ ގޮތުގައި، ޒަމްޒަމްފެނުގައި އެންމެ ފުރިހަމަ ކްރިސްޓަލް އުފެދެނީ، ކީރިތި ގުރުއާނުގެ އަޑު އެ ފެނުގައި ޖެހުމުންނެވެ. އަދި މާތް ﷲގެ އިސްމުފުޅުތަކުގެ އަޑު ޖެހުމުން، އެއިން ކޮންމެ އިސްމްފުޅަކަށް ތަފާތު ކްރިސްޓަލެއް އުފެދެއެވެ. އީމޯޓޯ ބުނެފައިވަނީ، މި ފަދަ ދެވަނަ ފެނެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުވާނެ ކަމަށެވެ.
ޒަމްޒަމްވަޅަށް ފެން އަންނަ އަސްލު ދެނެގަތުމަށް ޓަކައި ސައިންސްވެރިން ތަފާތު ދިރާސާތައް ވަނީ ކޮށްފައެވެ. އެ ފަދަ ދިރާސާތަކުން ދައްކާ ގޮތުގައި ޒަމްޒަމްވަޅަށް ފެން އަންނަ އެންމެ މުހިއްމު އެއް ވަޞީލަތަކީ ވާދީ އިބްރާހިމްގެ ހިލަދާނެވެ. އަދި އެ ވާދީގެ ފެންފަށަލައިން ވެސް ޒަމްޒަމްވަޅަށް ފެން އަންނަކަމަށް ސައިންސް ބުނެއެވެ. ސައިންސްގެ ހޯދުންތަކުން ފެންނަ ދެ މަސްދަރަކީ މިއީކަމުގައި ވިޔަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ޒަމްޒަމްވަޅުގެ ބޭނުން މެދުނުކެނޑި ކުރާތާ 1400 އަހަރު ވެފައިވާކަމެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެންމެ ފަހަރަކު ވެސް އެ ވަޅުން ފެން ހުސްވެފައެއް ނުވެއެވެ. ރެއާއި ދުވާލު ހުއްޓުމެއް ނެތި އެ ވަޅުން ފެން ނަގަމުން ދާ އިރު ވެސް، އެންމެ ފަހަރަކު ވެސް ފެން ހިނދިފައެއް ނުވެއެވެ. ޒަމްޒަމްވަޅަށް ފެންނަ އަންނަ މަސްދަރަކީ ވާދީ އިބްރާހީމްގެ ހިލަދާންކަމުގައި، ނުވަތަ އެ ވާދީގެ ފެންފަށަލަ ކަމުގައި ވާ ނަމަ، މި ދިގު މުއްދަތުގެ ތެރޭގައި ކަން ހިނގާނީ ހަމަ މި މަގުންބާވައެވެ؟
ޒަމްޒަމްފެނުގެ ހަގީގަތްތައް ހޯދައި ބެލި ވަރަކަށް ޒަމްޒަމްފެނުގައި އެކުލެވިފައިވާ އަޖައިބުތައް ފެންނަމުންދާނެއެވެ. އެއީ ރަހުމަތުގެ އާރެކެވެ. އިލާހީ ހަދިޔާއެކެވެ. ދިރިހުރި މުޢުޖިޒާތެކެވެ.
Be the first to comment