ބިރުވެރި އެތައް ކޮޅިގަނޑަކަށްފަހު ސަލާމަތުގެ އައްސޭރިއަށް!

2025  ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވަނަ ދުވަހު ފެށޭ ބޮޑުޗުއްޓީއާ އެކު ރޯދަ މަސް ވެސް ފެށޭތީ، އެ ޗުއްޓީ ވެގެން ދިޔައީ އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން، އަޅުގަނޑަށް ޚާއްޞަ ޗުއްޓީއަކަށެވެ. އެހެންކަމުން ދުރާލައި ޗުއްޓީގެ ދުވަސްތައް ވަނީ ރާވާލެވިފައެވެ. ތަދުބީރުގެ ތަސްވީރާއި ތަޤުދީރުގެ ތަސްވީރުގައި ދެ ކުލައެއް ޖެހިފައިވާކަން ނޭނގި ހުރެއެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށެވެ. ބަސްބުނާ ހިނދުން، ކަންކަން ދެ ކަފިވެއެވެ.

ބޮޑު ޗުއްޓީގެ އުފާވެރި ދުވަސްތައް ހިނިތުންވެ އޮވެ މަގަތަށް ދަތުރުކުރަމުން އައީ، އިމްތިހާނުގެ އަވަދި ނެތް ތާވަލުގެ ތެރެއިންނެވެ. އެތައް ދަރިވަރުންނެއްގެ އިމްތިހާނު ކަރުދާސްތަކުން ދެ ލޯ ނުނެއްޓި އުޅުނު ދުވަސްތަކާއި ރޭތަކުގެ ތެރެއިންނެވެ. ޗުއްޓީ ފެށުމާ އެކު، އާއިލާގެ މީހަކު ގޮވައިގެން ބޭހަށް، އިންޑިއާއަށް ފުރަންޖެހޭކަން އެނގުނީ، މި ކަމުގައި ރޭ ނިދި ހަމައަށް ނުލިބި އުޅެނިކޮށެވެ. ޑޮކްޓަރު ވިދާޅުވީ ލަސްނުކޮށް އިންޑިއާއަށް ފުރުމަށެވެ. އާސަންދައަށް އެދި ހުށަހެޅުމަށް، ލިޔުން ވެސް ދެއްވިއެވެ. އެހެންކަމުން ހަމަ އެ ދުވަހު، އާސަންދައަށް ލިޔުން ހުށަހަޅައި، އެހީ ހަމަޖެހޭތޯ މަސައްކަތް ފެށީމެވެ.

އެ އޮޑިއެއްގެ ވަރު އެނގޭނީ އެ އޮޑިއަކުން ދަތުރުކޮށްލީމައެވެ. އާސަންދައިގެ ހޫނުކަން ވެސް އިހުސާސް ވީ، އެކަމާ މަރުފަލިޖަހަން ޖެހުނީމައެވެ. ޑޮކްޓަރު ދެއްވި ލިޔުމާއި ބަލިމީހާގެ މައުލޫމާތާއި އަދިވެސް ބޭނުންވާ ލިޔެކިޔުން “ހަމަކޮށްފައި” އާސަންދައަށް ހުށަހެޅުމުން، އެތަނުން މެއިލެއް އަތުވެއްޖެއެވެ. ކޮންމެވެސް އެއް ޑޮކިޔުމެންޓެއް މަދުވީއެވެ. އަވަސް އަވަހަށް އެ ބުނާ އެއްޗެއް އެއް ހީރަސްކޮށްފައި ފޮނުވައިފީމެވެ. އަނެއްކާ ވެސް އެހެން މެއިލެކެވެ. އެހެން ލިޔުމެއް ހުށަހަޅަންޖެހުނީއެވެ. އަނެއްކާ ވެސް އަނެއް މެއިލްއެވެ. އެހެން އެއްޗެއް ހުށަހަޅަން ބުނެފިއެވެ. ފަހަރަކު އެއްޗެކެވެ. ހިތަށް އެރިއެވެ. މަދުވާ ހުރިހައި އެއްޗެއްގެ ވާހަކަ އެންމެ ފުރަތަމަ މެއިލްގައި ލިޔެލި ނަމައެވެ. އެހެންނަމަވެސް އެ ތަނުގައި ތިބޭ ކުދިންނަށް ވެސް ވާވަރުތާއެވެ. ބޭނުންވާ ހުރިހައި ލިޔެކިޔުމެއް ހަމަވިކަމަށްވީ ހަތަރުފަސް މެއިލް ފޮނުވައިގެން ތިން ދުވަސްފަހުންނެވެ.

ދުވަހަކީ 27 ފެބުރުވަރީ 2025 ވީ ބުރާސްފަތި ދުވަހެވެ. ރިޕޯޓްފޮތް ދީ، ސްކޫލުތައް ބަންދުވާ ދުވަހެވެ. އިމްތިހާނުގެ ވަރުގަދަ ހަޅަގަނޑު ނިމި ވައި އުރުތަށް އެރި ދުވަހެވެ. އެ ދުވަހުގެ މެންދުރުކުރީގެ ވަގުތެއްގައި، އާސަންދަ ހަމަޖެހުނުކަމުގެ އުފާވެރި ޚަބަރު ލިބިއްޖެއެވެ. ބަލިމީހާއާއި އެއް އެހީތެރިއެއްގެ ދެ ކޮޅު ޓިކެޓާއި ބޭސްފަރުވާގެ އެހީއެވެ. އާސަންދަ ހަމަޖެހޭނީ ކޮން ދުވަހަކުންކަން ނޭނގޭތީއާއި، އިމްތިހާނުގެ ބުރަ މަސައްކަތާ ހުރެ، ދަތުރަށް އެއްވެސް ތައްޔާރީއެއް ވެވިފައި ނެތުމުން، ދެންޖެހުނީ، ބުމަރެއްހެން އެނބުރިގަންނާށެވެ. ކުރިމަތީގައި އޮތީ ހުކުރު ދުވަހެވެ. ހޮނިހިރު ދުވަހަކީ ރަމަޟާން މަސް ފެށޭ ދުވަހެވެ. އެ ދުވަހު ދަތުރުކުރުމަށް ވުރެ، ހުކުރު ދުވަހު ފުރޭގޮތް ވިއްޔާ ރަނގަޅުވާނެއޭ ހިތައި، އެ ދުވަހަށް ޓިކެޓް ނަގަން ނިންމީ، އެ ރެއާއި ހުކުރު ދުވަހުގެ ހެނދުނުން ލިބޭ ވަގުތުކޮޅާ އެކު، ދަތުރަށް ތައްޔާރުވެވޭނެ ކަމަށް ބަލާފައެވެ. އެހެންނަމަވެސް މި ތައްޔާރުވުން ވީ، ފިސާރި ތައްޔާރުވުމަކަށެވެ. އަޑިގުޑަން ބޮޑު ތައްޔާރުވުމަކަށެވެ.

އެންމެ ފުރަތަމަ އޮތީ ޓިކެޓް ނެގުމެވެ. އާސަންދަ ބުނާގޮތުން ޓިކެޓް ނަގަންޖެހެނީ މޯލްޑިވިއަނުންނެވެ. މޯލްޑިވިއަންގެ ޚަބަރު ބަލައިލި އިރު، ކަމަކުދާކަށް ނެތެވެ. މިއިން ޒަމާނަކު ވެސް ޓިކެޓެއް އަތުޖެހޭކަށް ނެތެވެ. ފްލައިޓްތައް ހުރީ ފުރިބާރުވެފައެވެ. ކައްޕިތާނަށް ވެސް ޖާގައެއް ނޯންނާނެ ތޯޗެކެވެ. ހުކުރުދުވަހަށް ޖާގައެއް ލިބެން އަންނަނީ އިންޑިގޯއިންނެވެ. ކަންބޮޑުވިއެވެ. ލަސްނުކޮށް އެ ވާހަކަ އާސަންދައާ ހިއްސާކޮށްފީމެވެ. މާ ގިނަ އިރެއް ނުވެ، އިންޑިގޯއިން ޓިކެޓް ނެގުމުގެ ހުއްދަ ލިބިއްޖެއެވެ. ހުއްދަ ލިބުމާ އެކު، އިންޑިގޯއިން ދެ ޓިކެޓް ބުކްކޮށް އާންސަންދައިން ޓިކެޓް ކަށަވަރުކޮށްފީމެވެ.

ބަލިމީހާ ގޮވައިގެން މި ދަނީ ބޮޑު އޮޕަރޭޝަނަކަށެވެ. ކަން ދިމާވާ ގޮތަކުން ގިނަ ދުވަސްތަކަކު މަޑުކުރާން ވެސް ޖެހިދާނެއެވެ. ރޯދަ މަސްކަމަށްވާތީއާ ވެސް އެކު، އިތުރު އެހީތެރިއަކު ގެންދަން ވަނީ ގަސްދުކޮށްފައެވެ. އެ ޓިކެޓް ނަގަންޖެހޭނީ އަމިއްލައަށެވެ. އާސަންދައިން ދެ ޓިކެޓް ކަށަވަރުވުމުން، ދެން ފެށީ އެ ފްލައިޓުން އަނެއް ޓިކެޓް ނެގުމުގެ މަސައްކަތެވެ. އޮންލައިންކޮށެވެ. ޓިކެޓް ނަގަން ބެލި އިރު، ނަސީބު ވަނީ ހިނިތުންވެލާފައެވެ. ޚާއްޞަ ފެއަރއެއްގެ ދަށުން ތަންކޮޅެއް ހެޔޮ އަގެއްގައި ޓިކެޓް ލިބެން އެބަ ހުއްޓެވެ. އެހެންކަމުން އަވަސް އަވަހަށް އެކަމާ އުޅެގެންފީމެވެ.

އޮންލައިންކޮށް ޓިކެޓް ނެގުމަކީ ބުރަ މަސައްކަތެއް ނޫނެވެ. އެހެންނަމަވެސް މިއަދު އެކަން ވެސް މިވީ ޓަނެއް އުފުލުން ފަދަ ކަމަކަށެވެ. ހަމަ އުޅެއުޅެ އެކަން ވާގޮތެއް ނުވެއެވެ. އެކި ފަހަރު އެކި މައްސަލަ ކުރިމަތިވަނީއެވެ. ޓިކެޓް ނުނެގިގެން އުޅެނިކޮށް އަސުރުން އިރު ތިރިވެ، އިރު އޮއްސުމާ ކައިރިވެއްޖެއެވެ. ނުތަނަވަސްކަން ބޮޑުވަމުން އައީ، މިހެން އުޅެއުޅެ އިންދާ ފްލައިޓް ފުލްވެދާނެތީއެވެ. ޗުއްޓީ ފެށޭ ދުވަހަކީ އެތައް ބަޔަކު ރާއްޖޭން ބޭރަށް ފުރާ ދުވަހެކެވެ. އެހެންވެއްޖެ ނަމަ އެކަކު މަޑުކޮށްފައި، އަނެއް ދެ މީހުން ޖެހޭނީ ފުރާށެވެ.

ޓިކެޓް ނެގުމުގެ ކަވި މަސައްކަތުގައި އުޅެނިކޮށް ހައެއް ޖަހައިފިއެވެ. އެއާ އެކު ފެއަރގެ ނަސީބުން މަހުރޫމުވެ، އަގު ރިހިން ރަނަށް އަރައިފިއެވެ. ކަރު އެލުނެވެ. ހަތް އުޑާ ހަމައަށް އުފުލުނަސް، ނެގުން  ނޫން ގޮތެއް ނޯންނާނެއެވެ. ކުރެވުނު އެތައް މަސައްކަތްތަކުން އެ “ބުރައިން” އަވަދިވެވުނު އިރު ޖީބުން ބަޔެއް ދޮވެލައިފިއެވެ.

ދެން އޮތީ ދަތުރަށް ފޮށިތަންމަތި ބަނުމެވެ. ރޯދަ މަސް ބޯމަތީގައި އޮއްވާ، ކުއްލި ގޮތަކަށް ބޭސްފަރުވާއަށް ކަރައަކަށް ފުރައިގެންދާން ޖެހުމުން، ވާންޖެހޭ ތައްޔާރީތަކެއް ވެސް ހުންނާނެތާއެވެ. ގަންނާން ހުރި ތަކެއްޗާއި ގެންނާން ހުރި ތަކެތި ވެސް ހުއްޓެވެ. ޢިޝާ ނަމާދުން ފައިބައިގެން މަސައްކަތަށް އެނބުރޭން ނިޔަތްގަނެގެން ހުއްޓާ، ދެނަމާދުދޭތެރޭ ކެރިޖަހާން ފަށައިފިއެވެ. އިސާހިތަކު ބޯ ކެރިގަނޑަކަށް ބަދަލުވެއްޖެއެވެ. ކެރިގަނޑު ދިގުލަމުން ގޮސް، ޢިޝާނަމާދުން ދަންވި އިރު ވެސް ކަނޑައެއް ނުލިއެވެ. ދޭތެރެއަކުން ކުޑަ ދުލެއް ޖެހެލި ނަމަވެސް، އިރުއިރުކޮޅުން ބޯކޮށްލައެވެ. އެހެންކަމުން ދަތުރަށް ވާން ހުރި ތައްޔާރީތަކަށް ހުރަސްއެޅޭންފެށިއެވެ.

ނުވައެއްޖަހައި ބޮޑުވެއްޖެއެވެ. ވާރޭ ތުނިކޮށްލުމުން، ފަޓުލޫނު ކޮށިކޮށްލައިގެން ބޭރަށް ނިކުމެއްޖައީމެވެ. ގެންނާން ހުރި ތަކެއްޗާއި ގަންނާން ހުރި ތަކެއްޗާ ހަމައަށް ފޯރާތޯއެވެ. ސައިކަލުގައި ނައްޓާލައިފީމެވެ. ދެވުނީ ތަންކޮޅަކަށެވެ. އަނެއްކާ ވެސް ބޯކޮށްލައިފިއެވެ. އަސްކަންޏެއްގެ އެހީތެރިކަން ހޯދައިގެން މަޑުކޮށްލީމެވެ. ދިހަވަރަކަށް މިނެޓްވީ އިރު ވެސް ތުންޏެއް ނުވިއެވެ. ހިތަށް އެރިއެވެ. މިހެން އަސްކަނިދަށުގައި ވަގުތު ގުނާން ހުރެވޭކަށް ނެތެވެ. ސައިކަލަށް އަރައި ނައްޓައިލައިފީމެވެ. އިސާހިތަކު ފޯވެއްޖެއެވެ. އަޅައެއް ނުލަމެވެ. ހާލަތު ނިޔާކުރިގޮތުން، ކުރެވޭން ހުރި ކަންކަން ކޮށްގެން، ގައިން ފެން އޮހޭ ހާލުގައި ގެއަށް ވަދެވުނު އިރު އެގާރަޖަހައިފިއެވެ. ގަންނާން ހުރި އެއްޗެހި ޖެހުނީ ނުގަނެ ދޫކޮށްލާށެވެ.

އެ ރޭ ރައްޓެއްސަކު ކުރި ފޯނު ކޯލެއްގެ ސަބަބުން، ގެއަށް ވަން އިރު ވެސް ހުރެވުނީ ސުވާލުމާކެއްގެ ތެރޭގައެވެ. އެ ދުވަހު ހެނދުނު އޭނާ އާއިލާއާ އެކު އިންޑިޔާއަށް ފުރަން އެއާޕޯޓަށް ގޮސްގެން ނުފުރުނު ވާހަކަ ބުނުމުންނެވެ. ނުފުރުނީ ކީއްވެގެންހޭ އެހީމާ ބުނީ، އޭނާގެ ދަރިފުޅު، އާ ޕާސްޕޯޓެއް ހައްދައިގެން ފުރަން ދިޔަ އިރު، ބާ ޕާސްޕޯޓް ނުގެންދާތީ، އިމިގްރޭޝަނުން ފުރުމުގެ ހުއްދަ ނުދިންވާހަކައެވެ. މި ވާހަކަ އަޑު އިވިފައި ސުވާލުމާކެއް ޖެހުނީ، އަހަރެމެންނާ އެކު ދާން ހުރި ބަލި މީހާ ވެސް، މީގެ ދެ ދުވަސްކުރީން އާ ޕާސްޕޯޓެއް ހައްދާފައިވާތީއެވެ. ބާ ޕާސްޕޯޓު ކޮބައިކަން ނޭނގޭތީއެވެ. ސުވާލުމާކުގެ ބުޅިގަނޑުން ނެއްޓޭން ކުރި މަސައްކަތް ކާމިޔާބުވި އިރު، ސިކުނޑި ސުމަކަށް ވުރެ ވެސް ދަށަށް ހިނގައްޖެއެވެ.  އޭނާގެ ބާ ޕާސްޕޯޓް ވީ ރަށުގައެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އެންމެ ލަސްވެގެން ވެސް މާދަމާ 11 ޖެހުމުގެ ކުރިން އެ ޕާސްޕޯޓު ލިބެންޖެހޭނެއެވެ. 11:10 ގައި ޗެކިން ބަންދުކުރާނެއެވެ. ފްލައިޓް އެ އޮތީ 12:10ގައި އުދުހިގަތުމަށް  ތައްޔާރުވެ، މިހާރުއްސުރެ ދެ ފިޔަ ދަމާލައިގެންނެވެ.  

ރަށުގައި ހުރި އާއިލާގެ މީހަކާ ގުޅައިގެން ޕާސްޕޯޓް ގެނެވޭނެ ގޮތެއްވޭތޯ މަސައްކަތް ފަށައިފީމެވެ. ރަށުން އަންނަ ލޯންޗެއް އެ ދުވަހު އޮވެއެވެ. އެހެންނަމަވެސް ލޯންޗް މާލެއަށް ފޯރާނީ 12ގެ ފަހުންނެވެ. އެހެންކަމުން އެ މަގު، މަގަކަށް ނުވާތީ، ދޫކޮށްލާފައި އެހެން މަގެއް ފެނޭތޯ ކުރެވުނު މަސައްކަތްތަކުން، ކަނިވެފައިވަމުން ދިޔަ އުއްމީދުގެ ހުޅުކޮޅުގައި ފުރާނަ އެޅުނެވެ. ރަށް ކައިރީގައި އޮންނަ ރިސޯޓަކުން، އަނެއް ދުވަހު ހެނދުނު އެއާޓެކްސީގައި މާލެ އަންނަ މީހަކު ހުރި ވާހަކަ ބުނުމުންނެވެ. އެހެންކަމުން ހެނދުނު އެ ރިސޯޓަށް ދާ ކުއްޖަކާ ޕާސްޕޯޓް ހަވާލުކޮށްފިއެވެ. އެ ޚަބަރަށްފަހު، އެ ރޭގެ ފިނިފިނި ތަންމަތީގައި ހަށިގަނޑު ދަމައިލީ ލިބުނު  ހިތްހަމަޖެހުމާ އެކުގައެވެ.

ޖެހިގެން އައި ދުވަހު ފަތިހު ތެދުވި އިރު، ވާރެއެއް ނުވެހެއެވެ. އެހެންކަމުން އިރު އެރުމާ އެކު ބާޒާރުމައްޗަށް ދިޔުމަށް މިސްރާބު ޖަހައިފީމެވެ. ގަންނާންޖެހި ނުގަނެވި ހުރި ބައެއް އެއްޗެހި ގަނެލާށެވެ. މިއަދު ވެސް އުޑުމަތި ބަނަވެފައި، ޖައްވު ފިންޏެވެ. ދޭތެރެއަކުން ކަނިޖަހާލައެވެ. ހިމަފޮދުކޮށް ސަމާސާ ވެސް ކޮށްލައެވެ.

ބާޒާރުން އެނބުރި ގެއަށް އާދެވުނު އިރު، އަށެއް ޖަހައި ބޮޑުވެއްޖެއެވެ. އެއާޓެކްސީން އަންނަން ހަމަޖެހިފައިވާ “މެހެމާނު”ގެ ޚަބަރުދަބަރު ބަލައިލީ ގެއަށް އައިހެވެ. ސަހަރޯއެވެ! ކަމަކުދާކަށް ނެތެވެ. ކޮންމެވެސް އެކަކަށް އެކަމާ އިހުމާލުވެވި، މާލެއާ ހަމައަށް ފޯރާގޮތެއް ނުވިއެވެ. އެ ޚަބަރާ އެކު އަނެއްކާ ވެސް ހާސްކަމުގެ ފުން ކަނޑެއްގެ ތެރެއަށް ގެނބުނެވެ. އެހެންނަމަވެސް ދެން ނިންމީ އެކަމާ އިތުރަށް ނުވިސްނުމަށެވެ. ވިސްނައިގެން ވާނެ ފައިދާއެއް ނެތްތާނގައި، ގެއްލުން ބޮޑުވެދާނެތީއެވެ. އެނބުރި އަންނާން ޖެހުނަސް ހެޔޮކަމަށް، ﷲއަށް ވަކީލުކޮށްލުމަށްފަހު،  އެއާޕޯޓަށް ދިޔުމުގެ ފަހު ތައްޔާރީތަކާ ދިމާއަށް އެނބުރުނީމެވެ.

ނުވަގަޑި ބައި އެހައިކަންހައި އިރު، ހަތަރު އުދަރެސް އަނދުންފަތްގަނޑަކަށް ހަދާލައިފައި، ބޯކޮށް ވާރޭ ވެހޭން ފަށައިފިއެވެ. މިއަދަކީ ހުކުރު ދުވަހެވެ. އަނެއްކޮޅުން މި ވީ ގަދަ ވިއްސާރައިގެ ދުވަހަކަށެވެ. މާލެއިން ކުލީ ކާރެއް ހޯދުން ވާނީ، ގަދަފަދަ ލަޝްކަރަކާ ކުރިމަތިލައި، ފަތަހަ ހޯދުން ފަދަ ކަމަކަށެވެ. އެހެންކަމުން އަވަސްއަވަހަށް ތައްޔާރުވެލައިގެން، ޓެކްސީއެއް ލިބޭތޯ 9:45 އެހައިކަންހައި އިރު ސެންޓަރުތަކަށް ގުޅާންފަށައިފީމެވެ. އަވަސް ރައިޑަށް ވެސް ޖަހަމުންނެވެ. ދިހައެއް ޖެހި އިރު ވެސް ކާރެއް ލިބޭގޮތެއް ނުވިއެވެ. އޭރު ވެސް ވެހޭ ވާރޭއަކަށް ދުލެއް ނުޖެހެއެވެ. ދިހައެއް ޖަހައި ބޮޑުވިފަހުން، ވާރޭ ތުނިކޮށްލައިފިއެވެ. އެހެންކަމުން އަވަސްއަވަހަށް ފޮށިތައް ތިރިއަށް ބާލައިގެން، މަގަށް ނިކުމެއްޖައީމެވެ. އެކަކުގެ ފޯނުން އަވަސް ރައިޑަށް ޖަހައިގެން، އަނެކަކުގެ ފޯނުން ސެންޓަރުތަކަށް ގުޅަމުން، މަގުމަތިން ދާ ޓެކްސީތަކަށް އަތްނަގައި ފިލިކުރަމުންގެންދިޔައީމެވެ. އެހެންނަމަވެސް އެންމެ ނަނެއްގައި ވެސް ކޮށައި ނުލައެވެ.

ވަގުތުގެ ނެގިމަޑު ފިޔަވަޅުތައް މި ވަގުތު ހުރީ މާ އަވަސްއަރައިގެންފައި ހެން ހީވެއެވެ. ބަސްބުނާ ހިނދުން 10:15އަށް ދަތުރުކޮށް، ވިއްސާ ހަމަކުރަނީއެވެ. ކަންބޮޑުވުމާއި ހާސްކަން އިތުރުކުރަމުންނެވެ. ޓެކްސީތަކަށް އަތް ނެގުމުގައި އަވަދިނެތި އުޅެމުން ދަނިކޮށް، ޓެކްސީއެއް އައިސް ކައިރިއަށް މަޑުކޮށްލައިފިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އަނގައިން ނުބުނެވި ހުއްޓާ، ޑްރައިވަރު ބިއްލޫރި ތިރިކޮށްލައިފައި، އެ ތަނުގައި ހުރި ތިން ލަގެޖް ފޮށްޓަށް ކަޅި ހުއްޓާލަމުން، ތިހައި ގިނަ ފޮއްޓެއް މިއަކަށް ނާރާނޭއޭ ބުނެފިއެވެ. ނޫނެކޭ އަރާނެއޭ ބުނެބުނެ ހުއްޓާ، އެހެން ކާރެއް ލިބޭތޯ ބަލައިލާށޭ ކިޔާފައި އޭނާ ނައްޓާލައިފިއެވެ. ދިރުން ލިބެމުން ދިޔަ އަޅުގަނޑުގެ ހިތް، ދެފަޅިއަށް ހަމައަށް އިރާލި ކަހަލައެވެ.

ގަޑީގެ ހިނގުން ހިނދުކޮޅަކަށް ނަމަވެސް ހުއްޓޭނެ ނަމައެވެ. އެހެނެއް ވެސް ނުވާނެތާއެވެ. އެންމެ ފަހުން ނިންމީ، ފޮށިތައް ދަމާފައި މަޖީދީ މަގަށް ނިކުންނާށެވެ. ތަންކޮޅެއް ފަސޭހައިން ކާރެއް ލިބިދާނެކަމަށް ފެންނާތީއެވެ. އޭރު އަޅުގަނޑުމެން ތިބީ ދެވަނަ ފެނުން ފެންވެރިފައެވެ. ފޮށިތައް ހުރީ ފުރަތަމަ ފެނުން ދޮވެވިފައެވެ.

މަޖީދީ މަގަށް ނުކުމެ އެ މަގުން ދާހައި ކާރަކަށް އަތްނަގާން ފަށައިފީމެވެ. ކުލީ ކާރެއްތޯ ނޫންތޯއެއް މިހާރަކު ނުބަލަމެވެ. ދިހަގަޑި ބައިވި އިރު ވެސް ކާރުގަނޑަކުން އަކަ އިންޗިއެއްގެ މިންވަރު ވެސް ލިބޭގޮތެއް ނުވިއެވެ. ހިތް ތެޅެމުންދަނީ އޮބި ނޯންނަ މިންވަރަށެވެ. ހަދާނޭ ގޮތް ބޮޑުވެ، ގޮތް ހުސްވެއްޖެއެވެ. އެހެންނަމަވެސް އުއްމީދު ކަނޑައެއް ނުލަމެވެ. ﷲއަށް ވަކީކޮށްލައިގެން ފަހަރަކު ކާރަކަށް ސަލާންޖަހަމުން ގެންދިޔައީމެވެ. މީގެ ކުރިން ވެސް މި ފަދަ އެތައް ރާޅެއް ވަނީ އުފުލިފައެވެ. އެހެންނަމަވެސް މުގުރާލުމުގެ ކުރިން ﷲގެ ހެޔޮ ރަހުމަތާ އެކު ސަލާމަތްވެއެވެ. އަލްޙަމްދުﷲ!

މަގުގެ ހުޅަނގުކޮޅުން އަނެއްކާ ވެސް ފެހި ބޯޑުގެ ކާރެއް އަންނަތަން ފެނުނެވެ. އެހެން ކާރުތަކަށް ވެސް އަތް އުފުލައިލާހެން މާ ދުރުން އަތް އުފުލާލައިފީމެވެ. އެއައި ގޮތަށް އައިސް މަޑުކޮށްލައިފިއެވެ. އަރާށޭ ބުނުމުން، ލިބުނު އުފަލެއް ބޮޑުކަން ބުނެދޭނެ ގޮތެއް ވެސް ނޭނގެއެވެ. އަޅުގަނޑުމެން އެއާރޕޯޓަށް ގެންދަން ހަމަޖެހިފައި އޮތް ކާރަކީ މިއީތާއޭ ހިތަށް އެރިއެވެ. އަވަސްއަވަހަށް ޑިކީއަށް ފޮށިތައް އަރުވައިގެން ނައްޓާލައިފީމެވެ. އޭރު 10:35 ހިނގައިފިއެވެ. ވަރަށް ވަގުތު ކުޑަވެއްޖެކަމަށާއި ތަންކޮޅެއް ހަލުއި ދުވެއްޔަކަށް ޑްރައިވަރުގެ ކިބައިން އެދުނީމެވެ. ޓެކްސީއަށް އެރީ މާފަންނަނުން ކަމަށްވާތީ، މަޖީދީ މަގުގެ ވެސް، އެއްކޮޅުން އަނެއްކޮޅަށް ކަހަލަ ގޮތަކަށް ދުއްވާންޖެހުނެވެ.

ސިނަމާލޭ ބުރިޖުން އަށްޑިހައިގައި ދުއްވާފައި އައި ކާރު، ހުޅުލެއަށް އެރި އިރު 11 ޖަހަން ހުރީ ދިހަވަރަކަށް މިނެޓެވެ. ޗެކިން ބަންދުކުރުމާ ދެމެދު އަދި ވިއްސަކަށް މިނެޓް އެބަ އޮތެވެ. އިރާދަކުރެއްވިއްޔާ އެހައި އިރަށް ދެވޭނެއެވެ. އެހެންކަމުން ސީޓުގައި ރަނގޅަށް ހަމަޖެހިލީމެވެ. ހައްޓަށް ފެތޭގޮތަށް ރަނގަޅަށް ނޭވާއެއް ލެވުނީ ދެނެވެ. އެހެންނަމަވެސް އެ ފުރުސަތު ދިގުލައި ގޮތެއް ނުވިއެވެ. ދުވަހަކީ އެއާރޕޯޓު އިންތިހާއަށް ބާރު ބޮޑު ދުވަހެއްކަމުން، ސައިކަލު ޕާކުކުރާން އޮންނަ ސަރަހައްދާ ހިސާބުން ކާރުގެ ދުވެލި މަޑުކުރާން ޖެހިއްޖެއެވެ. ޓެކްސީތަކުގެ ކިއު އޮތީ އެހައި ހިސާބަށް ދެމިފައެވެ. އެހެންކަމުން އެ ކިއުގައި ކާރު ތާށިވެއްޖެއެވެ. ހިރިލަނީ ދޭތެރެއަކުން ކައިވަތަކަށެވެ. ލިބުނު ނުތަނަވަސްކަމެއްގެ ބޮޑުކަމުން އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. އެގާރަ ޖަހަނީއެވެ. ކިހިނެއް ވާނެބާވައެވެ؟ ކައުންޓަރު ބަންދުކުރުމުގެ ކުރިން އެހިސާބަށް ނުފޯރައިފި ނަމަ ހަތަރެސްކަން ހަމަވީއެވެ.

ޓެކްސީ މަޑުކުރާ ހިސާބަށް ދެވުނު އިރު 11 ޖަހައި ބޮޑުވެއްޖެއެވެ. ޓެކްސީ މަޑުކުރުމާ އެކު އަވަސް އަވަހަށް ފުންމާލައިފީމެވެ. އޭރު އެއާޕޯޓް ވަޒީފާގައި އުޅޭ އާއިލާގެ މީހަކު ޓްރޮލީއެއް ހިފައިގެން އައިސް ކާރު ކައިރީގައި ހުއްޓެވެ. ވަރަށް ލަސްވެއްޖެއޭ ބުނަމުން، ފޮށިތައް ޓްރޮލީއަށް އަރުވައިގެން އޭނާ ނައްޓާލައިފިއެވެ. އޭނާއާ އެކު އެ ދިޔަ ބާރު މިނުގައި، އެތެރެއަށް ވަދެ ފޮށިތައް ބަލައި ފާސްކުރުވައިގެން، ދެ ފަޔަށް ބާރުލާފައި، “އިންޑިގޯ” ޖަހާފައި ހުރި ކައުންޓަރާ ދިމާއަށް ހިނގައިގެންފީމެވެ. ދެތިން ފިޔަވަޅެއް އެޅޫނުތަނާ، އެ ބޯޑަށް އެހެން ނަމެއް އަރައިފިއެވެ. އެއާ އެކު އެންމެންގެ ފިޔަވަޅަށް ހުއްޓުން އަރައިފިއެވެ. ވަގުތުން ދެ ފަރާތުގައި ހުރި އެހެން ބޯޑުތަކަށް ކަޅި ހިންގައިލެވުނެވެ. ގިމަތައިގެ ކަނާތްފަރާތުގެ ތަންކޮޅެއް ދުރުން، “އިންޑިގޯ” ޖަހާފައި ހުރި ދިއްލޭ ބޯޑެއް އަނެއްކާ ވެސް ފެނިއްޖެއެވެ. އޭރު ގަޑިން 11:12 ހިނގައިފިއެވެ. އެހެން މީހުން ގާތުގައި އަވަހަށް އަންނާށޭ ބުނެފައި، ތޮއްޖެހިފައި އޮތް މީހުންގަނޑުގެ ތެރެއިން، ތެޅެމުން ފޮޅެމުން، ދުވެފައި ކަހަލަ ގޮތަކަށް އެ ދިމާއަށް ނައްޓާލައިފީމެވެ.

އެ ދިޔަ ބާރު މިނުގައި އެ ކައުންޓަރާ ހަމައަށް ގޮސް ކައުންޓަރުގައި އިން ކުއްޖާ އަތަށް ތިން ޕާސްޕޯޓް ދިއްކޮށްލައިފީމެވެ. އެ ކުއްޖާ ޕާސްޕޯޓް ހުޅުވާލައިފައި ސިސްޓަމުން އެ ބެލި އެއްޗެއް ބެލުމަށްފަހު، ދަނީ ކޮން ގައުމަކަށްތޯ ސުވާލުކޮށްލިއެވެ. ކޮޗިންނަށޭ ބުނުމުން ޕާސްޕޯޓުތައް ދިއްކޮށްލަމުން ހިނިތުންވެލާފައި 14 ނަންބަރު ކައުންޓަރަށް ދިޔުމަށް އެދެފިއެވެ. މިއީ ޔޫއޭއީއަށް ދާ ފްލައިޓްގެ ކައުންޓަރޭ ވެސް ބުންޏެވެ. އަނެއްކާ އަނެއް ދިހަ ކަންތަކެވެ. އޭނާ އެ ބުނި ކައުންޓަރަކީ އަޅުގަނޑުމެން ފުރަތަމަ ދާން މިސްރާބު ޖެހި ކައުންޓަރެވެ.

ލިބުނު ހާސްކަން އަނެއްކާ ވެސް އިތުރުވެއްޖެއެވެ. ޕާސްޕޯޓުތައް ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި އެނބުރި އައިކޮޅަށް ހިނގައިގެންފީމެވެ. ނޫނެކެވެ! ފާޑަކަށް ހަމަ ދުވުނީއެވެ. 14 ނަންބަރު ކައުންޓަރާ ދިމާއަށެވެ. އެހެން މީހުން ގާތުގައި ބާރަށް އަންނާށޭ ބުނެފައެވެ. އެ ދިޔަ ބާރުމިނުގައި ގޮސް، ކައުންޓަރުގައި އިން ކުއްޖާއާ ދިމާއަށް ޕާސްޕޯޓުތައް ދިއްކޮށްލައިފީމެވެ. އޭރު އޭނާ މަސައްކަތް ނިންމާފައި ގޮނޑިން ތެދުވަން ހިފައިލަނީއެވެ.

ޕާސްޕޯޓުތަކުގައި ހިފިގޮތަށް އޭނާ ބުނެލީ، މިހާރު ޗެކިން ކްލޯސްވެއްޖެކަމަށެވެ. އާނއެކެވެ. ޗެކިން ކްލޯސްވާހައި އިރު ވެއްޖެއެވެ. 11:20 ހިނގައިފިއެވެ. އޮޅިގެން ފުރަތަމަ އެހެން ކައުންޓަރަކަށް ދެވުނީމާ، ތަންކޮޅެއް ލަސްވީއޭ ބުނީމެވެ.  ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ. އެ ކުއްޖާ ހިނިތުންވެލިއެވެ. އިރުކޮޅަކު ވިސްނައިލާން އިނދެފައި، ގޮނޑީގައި ހަމަޖެހިލިއެވެ. ނަސީބަކުން އޭނާ އަޅުގަނޑުމެން ބަލައިގެންފިއެވެ. ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން، ހަށި ފުރައި ނޭވާއެއް ދޫކޮށްލެވުނެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި އަނެއްކާ ވެސް ހިތް ތެޅިގެންފިއެވެ. ބާ ޕާސްޕޯޓުމަތިން ހިތަށް އަރާފައެވެ.

“ކޮބާ ކުރީގެ ޕާސްޕޯޓު؟” އެ ތަނުން އެއް ޕާސްޕޯޓް ދައްކައިލަމުން، ކައުންޓަރުގައި އިން ކުއްޖާ އެ ސުވާލުކޮށްލީ ކިތަންމެ މަޑުންކަމަށް ވިޔަސް، އެ އަޑު އަޅުގަނޑުގެ ކަންފަތާ ހަމައަށް ފޯރީ، ވަރުގަދަ  ހޮނުގުގުރިއެއް ފަދައިންނެވެ. ދޭނެ ޖަވާބެއް ސިކުނޑިއަކުން އުފައްދައެއް ނުދިނެވެ. އެހެންނަމަވެސް ޓްރޮލީ ހިފައިގެން ހުރި އާއިލީ މެންބަރު ވަރަށް ހުޝިޔާރެވެ. އިމަޖެންސީކޮށް ފުރަންޖެހުމުން އެ ޕާސްޕޯޓު ނުގެނެވުނީކަމުގައި ވަގުތުން ބުނެފިއެވެ. އެހައި ހިސާބުން ކައުންޓަރުގައި އިން ކުއްޖާ އިތުރު ސުވާލެއް ނުކުރެއެވެ. ޗެކިން ނިންމާލައިފިއެވެ. ބޯޑިން ފާސް ދެމުން، މިހާރު ބޯޑިން ފެށިއްޖެއޭ ބުނެލީ ހިނިތުންވެލަމުންނެވެ. ލިބުނު އުފަލާ އެކު އެ މަންޖެއަށް ޝުކުރުއަދާކޮށްފައި އަވަސްއަވަހަށް ހިނގައިގެންފީމެވެ.

ހޭންޑު ލަގެޖު ދަމަމުން ދެފަޔަށް ބާރުލާފައި މައްޗަށް އެރެން ހުންނަ ސިޑިއާ ދިމާއަށް ދިޔައީ، ލެއްވި ރަހުމަތަށް ޝުކުރުވެރިވަމުންނެވެ. އެހެންނަމަވެސް އަދި ވެސް މުޅިއަކުން ހަމަޖެހުމެއް ނުލިބެއެވެ. ބާ ޕާސްޕޯޓުގެ ސުވާލު އިންޑިޔާ އިމިގްރޭޝަނުން ވެސް ކުރާނޭކަން އެނގޭތީއެވެ. މީގެ ހަފުތާއެއް ކުރިން އިންޑިޔާއަށް ދިޔަ ބަޔަކާ ވެސް އެ ސުވާލު ކުރިކަން އޮތީ އެނގިފައެވެ.

ފްލައިޓަށް އެރި އިރު ވެސް އެ ނުތަނަވަސްކަން އޮތެވެ. ބަރާބަރު 12:10 ގައި ފްލައިޓް އުދުހިގެންފިއެވެ. ވިއްސާރަ ދުވަހެއްކަމުން ޖައްވުގެ ފުރޮޅުން ވަރަށް ބޮޑެވެ. ޖައްވުތެރެއިން ފްލައިޓަށް އައި ހަމަލާތައް މަދެއް ނޫނެވެ. ފްލައިޓް ތިރިއަށް ވައްޓައިލާ އިރު، ފޫޅަށް ވައިއަރައެވެ. މައްޗަށް އުފުލައިލައި އިރު މޭ ފިތެއެވެ. ރާއްޖޭގެ ސަރަހައްދުން ނެއްޓެންދެން އުޅުނީ މި ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް އޭގެ ފަހުން ދިޔައީ އަމާންކޮށެވެ. ކޮޗިން އެއާޕޯޓަށް ފްލައިޓް ޖެއްސީ އިންޑިޔާ ގަޑިން 14:05 ގައެވެ.

ފްލައިޓުން ފައިބައިގެން، އިންޑިޔާގެ އިންމިގްރޭޝަން ކައުންޓަރާ ދިމާއަށް ހިނގުނީ ބަރު ފިޔަވަޅުތަކެއްގައެވެ. ބާ ޕާސްޕޯޓުގެ ފިކުރު ބޮޑުކަމުންނެވެ. ޕާސްޕޯޓު ނެތް ވާހަކަ ބުނީމާ، އެ މީހުން ބުނާނީ ކީކޭބާވައެވެ؟ ހަދާނީ ކިހިނެއްބާވައެވެ؟ ޕާސްޕޯޓު ލިބެންދެން ހިފަހައްޓަ ވެސް ފާނެއެވެ. އިންޑިޔާގެ އިމިގްރޭޝަންގައި ތިބޭނީ ނިކަން ފާޑެއްގެ ބަޔެކެވެ. ބައެއް މީހުން ވަރަށް ރުޅިގަދަވާނެއެވެ. ކަންތައްގަނޑު ފަލަކޮށްލާނެއެވެ.

އިމިގްރޭޝަން ކައުންޓަރުތަކާ ހިސާބަށް ދެވުމުން، އެ ތަނުގައި ތިބި މީސްމީހުންގެ މޫނަށް ވަކިވަކިން ނަޒަރު ހިންގައިލީމެވެ. ތަންކޮޅެއް އަލި މޫނެއް ފެނޭތޯއެވެ. ހިތް ތިރި މީހަކު އިންތޯއެވެ. އެ ކަހަލަ މީހެއްގެ ކިއުއަށް އަރައި މަޑުކޮށްލީމެވެ. ހިތަށް އެރިއެވެ. ބޭރު ތޮށިގަނޑަށް ބަލައިގެން، ކުނި ބިހެއް، ތާޒާ ބިހެއް ދެނެއެއް ނުގަނެވޭނެއެވެ. މިއީ މި ތަނުގައި އިން އެންމެ ހިލަ ހިތަށް ވެސް ވެދާނެއެވެ. އެހެން ހިތަށް އެރުމާ އެކު، ހިތް ނުތަނަވަސްކޮށްލީ އަދި މާ ބޮޑަށެވެ.

ހާސްކަމުގެ ކަނޑަކަށް ގެނބިފައި ހުއްޓާ ކައުންޓަރަށް ދާ ވަގުތު ޖެހިއްޖެއެވެ. ފުރަތަމަ ދިޔައީ ބަލިމީހާއާއި އަނެއް އެހީތެރިޔާއެވެ. އަޅުގަނޑު ހުރީ ވާނުވާ ބަލާށެވެ. ހިތާހިތުން ދުޢާކޮށްލަކޮށްލައެވެ. ބަލަންޖެހޭ ކަންކަމަށްފަހު، އެހީތެރިޔާގެ ޕާސްޕޯޓުގައި ތައްގަޑު ޖަހާފައި، ދިއްކޮށްލައިފިއެވެ. ދެން އެ ހިފީ “ބިރުވެރި” ޕާސްޕޯޓުގައެވެ. އަޅުގަނޑަށް ނޭވާ ހިފަހައްޓާލެވުނެވެ. ކައުންޓަރުގައި އިން މީހާ އެ ޕާސްޕޯޓަށް ބަލައިލުމަށްފަހު ބަލި މީހާގެ މޫނަށް ބަލައިލިއެވެ. ފުރަތަމަ ވެސް އަހައިލީ ބާ ޕާސްޕޯޓު ކޮބައިހޭއެވެ. އަޅުގަނޑުގެ ބޮލަށް އެނބުރުންއަރައިގަތެވެ. ނުވެއްޓި ސަލާމަތްވީ ކައިރީގައި ހުރި ތަނބުގެ އެހީތެރިކަން ލިބުމުންނެވެ. ދެން ހަދާނީ ކިހިނެއްބާވައެވެ؟ މީހަކަށް ގުޅޭނެ ގޮތެއް ވެސް ނެތެވެ. ހަމަ ރަނގަޅަށް އަޅުގަނޑުމެން މި “ހައްޔަރު”ވީއެވެ. މި ކަހަލަ ފިކުރީ ހާސްކަމެއްގެ ފުން ވަޅުގަނޑެއްގެ ތެރޭގައި ހުއްޓާ ފެނުނީ ބަލިމީހާގެ ޕާސްޕޯޓުގައި ވެސް ތައްގަޑު ޖަހާލައިފައި ދިއްކޮށްލައި ހިނިތުންވެލިތަނެވެ. ބާ ޕާސްޕޯޓުގެ ސުވާލަކީ އަޅުގަނޑަށް ހީވި ހިވުމެކެވެ. އެކަން އެނގުނީ ފަހުންނެވެ. ﷲގެ ހެޔޮ ރަހުމަތާ އެކު، އެ ބިރުވެރި ސުވާލުގެ ދަށުނުވެ، ސަލާމަތްވެއްޖެއެވެ.

އަޅުގަނޑާ ޖެހުމުން، ފުންފުންކޮށް ދެތިން ނޭވާއެއްލައި، ހަމަޖެހިލުމަށްފަހު ގޮސް ޕާސްޕޯޓު ދީފީމެވެ. ތައްގަނޑު އޮބާލައިފައި، އަޅުގަނޑުގެ އަތަށް ޕާސްޕޯޓު ދިނުމުން، އެ މީހާއަށް ޝުކުރު އަދާކޮށްފައި ހިނގައިގަތް އިރު، ސިކުނޑިއަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުން، ލިބިފައިވާ ލޮޑުކަން ފިލައި، ހަށިގަނޑު ވަނީ ލުއިވެ ތާޒާވެފައެވެ. ފޮށި ތަންމަތި ނެގުމަށް ޓަކައި، އިންޑިގޯ ފްލައިޓްގެ ބެލްޓާ ދިމާއަށް ހިނގައިގެންފީމެވެ. ޑިއުޓީ ފްރީ ތެރެއިން ތިން މީހުން އެކުގައެވެ. މި ފަދަ ކޮޅިގަނޑުތަކުގެ ބިރުވެރިކަމުން، ކުރިއަށް ހުރި ދުވަސްތައް މިންޖުކޮށްދެއްވުމަށް އެދޭ ހާލުގައެވެ.

Be the first to comment

ޚިޔާލު