އަވަށްޓެރިޔާ

ލިޔުނީ: މުޙައްމަދު ޤާސިމް

މެންދުރު ފަހުގެ ވަގުތެވެ. ހަފީޒާ އައީ އޭނާގެ އަމިއްލަ، ބީ އެމް ޑަބުލިޔު ކާރުގައެވެ. ކާރު ޕާކުކޮށްފައި އައިސް ދޮރާށި ހުޅުވައިލިއެވެ. ލިފްޓަށް އަރައި ފަހަކަށް އޮބައިލިއެވެ. ފަސްވަނަ ފަންގިފިލާއިން ލިފްޓު ހުޅުވިއްޖެއެވެ. އެވަގުތު ފެނުނު މަންޒަރަކުން ހަފީޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާގެ ނުވަ އަހަރުގެ ޝައިޝާ އެހުރީ، ކުރިމަތީގައި ހުރި އެޕާޓުމަންޓުގައި އުޅޭ އެ އުމުރުގެ ކުއްޖެއް ކަމަށްވާ، ޒުހާއާ ވާހަކަ ދައްކާށެވެ. ހަފީޒާ ފެނުމާއެކު، ޝައިޝާ އަވަސް އަވަހަށް ގޭތެރެއަށް ވަދެއްޖެއެވެ. ނުރުހުމުގެ ނަޒަރަކުން ޒުހާއަށް ކަޅިއަޅަމުން، ހަފީޒާ ވެސް ޝައިޝާގެ ފަހަތުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެއްޖެއެވެ.

ޝައިޝާ ގޮސް ވަނީ، އޭނާގެ ބޮޑު ތަނަވަސް ކޮޓަރިއަށެވެ. މަޑު ގޮދަޑިއަޅާފައިވާ އެނދުގައި ޖައްސައިލިއެވެ. އެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ، މަންމަގެ ނުރުހުމުގެ އަޑެވެ. ޖެހިގެން ހުރި ކޮޓަރިންނެވެ. އެއީ ގޭގައި ގެންގުޅޭ މަލަކާ ނިދާކޮޓަރިއެވެ. މަންމަ އެއްޗެހި އެ ކިޔަނީ މަލަކާއާ ދިމާއަށެވެ. ޒުހާއާ ވާހަކަ ދައްކަން ޝައިޝާ ހުރުމުން އެކަމާ ނުރުހިގެންނެވެ.

ޝައިޝާ، ޒުހާއާ ވާހަކަ ދެއްކުމަކީ، ހަފީޒާ ރުހޭކަމެއް ނޫނެވެ. އެ ގޭގައި އުޅޭ އެއްވެސް މީހަކާ ހަފީޒާ ވެސް ވާހަކައެއް ނުދައްކާނެއެވެ. އެ މީހުން ގޯސްވެގެނެއް ނޫނެވެ. ފެންވަރު ތަފާތުވީމައެވެ. ޝައިޝާގެ ބައްޕަ ފަދަ ރިސޯޓެއްގެ ވެރިއަކަށް ޒުހާގެ ބައްޕަ ނުވާތީއެވެ.

ޝައިޝާ އޮތީ ފުން ވިސްނުމެއްގައެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ، ދާދިފަހުން އިސްލާމް ގަޑީގައި މުދައްރިސް ކިޔައިދެއްވި ފިލާވަޅެވެ. އަވަށްޓެރިންނަކީ ކޮބައިކަމާއި، އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ދީނުގައި ކިހައި މުހިއްމު ކަމެއްކަން، އެ ދުވަހު އިސްލާމް މުދައްރިސް ކިޔައިދެއްވިއެވެ. އަވަށްޓެރިންނަކީ، ތިމާ ދިރިއުޅޭ ގޭގެ ކައިރީގައި ހުންނަ ގޭގޭގައި ދިރިއުޅޭ މީހުންނެވެ. އެކުގައި ކިޔަވަން އުޅޭ ކުދިންނަކީ ވެސް އަވަށްޓެރިންނެވެ. އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް ދީން ބާރުއަޅާ މިންވަރު ވެސް އެ ދުވަހު މުދައްރިސް ކިޔައިދެއްވިއެވެ. އެ ދުވަހަށްފަހު، ޒުހާއާ ގާތްގުޅުމެއް ބާއްވަން، ޝައިޝާ ވަރަށް ބޮޑަށް ބޭނުންވެއެވެ.

“ހަނދާންކުރާތި! މީގެ ފަހުން އެ ކުއްޖާއާ ޝައިޝާ ވާހަކަދެއްކިޔަ ނުދޭތި!” މަލަކާއަށް އިންޒާރު ދިނުމަށްފަހު ހަފީޒާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

މަންމަގެ މި ޖުމުލަ ކަންފަތުގައި ޖެހުމާއެކު، ޝައިޝާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. ކުށެއްނެތް ބަޔަކު ދެކެ، މަންމަ އެހައި ރުޅިއަންނާތީއެވެ. އަވަށްޓެރިންގެ މުހިންމުކަމާއި، އެމީހުންނަށް ހެޔޮކޮށް ހިތުމަށް ދީން ބާރުއަޅާފައިވާ މިންވަރު މަންމައަށް ނުވިސްނޭތީއެވެ. އެކަމުގެ ގެއްލުން އިހުސާސް ނުކުރެވޭތީއެވެ.

ހުކުރު ދުވަހެވެ. މިއަދަކީ ޝައިޝާގެ ބައްޕަ ވާފިރު، ޖަރުމަނުވިލާތުގައި ހަފުތާއެއްހައި ދުވަސް ހޭދަކޮށްފައި، އެނބުރި އައިސް އުޅޭ ދުވަހެކެވެ. ކުރިއަށް އޮތީ ވެސް ބަންދު ދުވަހެއް ކަމަށްވާތީ، ވާފިރު ގަސްދުކުރީ ހަފީޒާއާއި ޝައިޝާ ގޮވައިގެން ރިސޯޓަށް ދާށެވެ. އެހެންނަމަވެސް މެންދުރުފަހު އިންޓަރ ކުލާސް ނެޓްބޯޅަ ފަރިތަކުރުން އޮތުމުގެ ސަބަބުން، ޝައިޝާ ގެންދެވޭކަށް ނެތެވެ. އެހެންކަމުން މަލަކާއާ ޝައިޝާ ހަވާލުކޮށްފައި، ހަފީޒާއާއި ވާފިރު ގެއިން ނިކުތީ، މެންދުރުން އަނބުރާ ދޭއް ޖެހިފަހުންނެވެ.

ޝައިޝާ ގޮވައިގެން މަލަކާ ސްކޫލަށް ދިޔައީ ތިނެއް ޖެހިއިރުއެވެ. ނިމޭނީ ފަހެއްޖަހާއިރު ކަމަށްވާތީ، މަލަކާ ދިޔައީ އޭނާގެ ރައްޓެއްސެއްގެ ގާތަށެވެ. ގޭގައި މީހަކު ނޫޅޭތީއެވެ. ކުރަންޖެހޭ އިތުރު ކަމެއް ވެސް ނެތީމައެވެ.

ހަވީރު ހަތަރެއްޖަހައި އެހައިކަންހައި އިރެވެ. އެއަރޓެކްސީން ފޭބުމަށް ފަހު، ފާލަންމަތިން ހިނގައިގަންނަމުން، ހަފީޒާ ފޯނު އޮންކޮށްލިއެވެ. “މިސްޑްކޯލް މެސެޖެއް” އައުމުން ބަލައިލިއިރު، ގުޅާފައި އޮތީ ޝައިޝާގެ ކުލާސް މުދައްރިސެވެ. ހަފީޒާ ވަގުތުން ގުޅިއެވެ. ލިބުނު ޚަބަރާއެކު، އޭނާގެ ހިތް ތެޅިގަތެވެ. ދެ ލޯ ކަރުނައިން ފުރިއްޖެއެވެ. ވަގުތުން ރޮވިއްޖެއެވެ. ދެ ފައިން ވަރު ހުސްވެގެން ވެއްޓެން އުޅޭހެން ހީވިއެވެ. ވާފިރަށް މި މަންޒަރު ފެނުމުން، އަވަސް އަވަހަށް ގޮސް ހަފީޒާގެ ގައިގައި ހިފަހައްޓައިފިއެވެ.

“ކިހިނެއްވީ؟” ވާފިރު ކަންބޮޑުވެފައި ސުވާލުކުރިއެވެ.

“ޝައިޝާ ކުޅެން ހުއްޓާ ވެއްޓި ބޯ ފަޅައިގެން ދިޔައީޔޯ! މިހާރު ވީ ހޮސްޕިޓަލުގަ. އަދިވެސް ހޭ ނާރާ.”

ހަފީޒާގެ މި ޖުމުލަތައް އިވިފައި ވާފިރަށް ވެސް ރޮވިއްޖެއެވެ. މަލަކާއާ ގުޅަން އުޅެއުޅެ ނުގުޅުނެވެ. އޭނާގެ ފޯނު ހަލާކުވެފައި އޮތްކަން ހަނދާންވީ އެހައި ހިސާބުންނެވެ. ވާފިރު ބޭނުންވީ ވަގުތުން މާލެދާށެވެ. އެހެންނަމަވެސް އެއަރޓެކްސީން ދަތުރެއް ހަމަޖެހޭ ގޮތެއް ނުވިއެވެ. އެންމެފަހުން ލޯންޗެއް ހަމަޖައްސައިގެން ނައްޓާލީއެވެ.

ޝައިޝާ އޮތީ އޭ ޑީ ކޭ ގައެވެ. ކޮޓަރިއަށް ވަނުމާއެކު ހަފީޒާއަށް ރޮއިގަނެވުނެވެ. ޝައިޝާ އޮތް ހާލު ފެނިފައެވެ. ބޮލުގެ ބޮޑުބަޔެއް އޮތީ ބެންޑޭޖުކޮށްފައެވެ. އައިވީ ގުޅާފައެވެ. ދެ ލޯ ވަނީ މެރިފައެވެ. ހަފީޒާއަށް އުޅެވުނީ ދަރިފުޅުގެ ގައިގައި އޮޅުލައިގަންނާށެވެ. އެހެންނަމަވެސް ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފަހައްޓައި އެކަން މަނާކޮށްފިއެވެ.

“މިވަގުތު ކެތްތެރިވޭ! ހުރިހައި ކަމެއް ވެސް އިރާދަކުރެއްވިއްޔާ މިހާރު ރަނގަޅު! ހޭ ވެސް އަރައިފި!”

ހަފީޒާއަށް ބަލައިލެވުނެވެ. ފެނުނީ އައިސްތުއެވެ. އޭނާ އިންތިހާއަށް ރުޅިއަންނަ އައިސްތުއެވެ. ކައިރީގައި ޒުހާ ވެސް ހުއްޓެވެ. ޒުހާ ހުރީ “އެކްސްޓްރާ” ޔުނިފޯމުގައެވެ. ހަފީޒާއަށް ވަގުތުން އައިސްތުގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ. ރުޅިވެރިގޮތަކަށް މޫނު އަނބުރައިލަމުންނެވެ.

“އަޅުގަނޑުމެން ދެން ދަނީ!” ޝައިޝާގެ ބޮލުގައި މަޑުމަޑުން އަތްޖައްސާލުމަށްފަހު، އައިސްތު ތެދުވެގެން ހިނގައިގެންފިއެވެ. ޒުހާގެ އަތުގައި ހިފައިގެންނެވެ. ހަފީޒާއާއި ވާފިރަށް ތިބެވުނީ ކަރުނައިން ފުރިފައިވާ، އެހެނަސް ނުރުހުމުގެ ލޮލަކުން ކަޅި އަޅައިގެންނެވެ. އެވަގުތު ބޭސްކޮތަޅެއް ހިފައިގެން މަލަކާ އައިސް ވަދެއްޖެއެވެ.

ކަންހިނގައި ދިޔަ ގޮތް ހަފީޒާއަށާއި ވާފިރަށް އޮޅުންފިލީ ޖެހިގެން އައި ދުވަހު، ޝައިޝާގެ ކުލާސް ޓީޗަރުގެ ކިބައިންނެވެ. ޝައިޝާގެ ހުރިހައި ކަމެއްގައި އިއްޔެ އެހީތެރިވީ އައިސްތުއާއި ޒުހާއެވެ. ޝައިޝާ ވެއްޓުނީ ޒުހާ ވެސް އެތަނުގައި ކުޅެން ހުއްޓައެވެ. ޝައިޝާގެ ބެލެނިވެރިޔާއަށް ނުގުޅިގެން އުޅޭކަން ޒުހާއަށް އެނގުމުން، ޒުހާ އޭނާގެ މަންމައަށް ގުޅީއެވެ. ޝައިޝާ ހޮސްޕިޓަލަށް ގެންދިޔަ ހިސާބުން ފެށިގެން، ބެލެނިވެރިއެއްގެ ދައުރު އަދާކުރީ އައިސްތުއެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ.

މި ވާހަކަތައް އިވިފައި ހަފީޒާއަށް ހުއްޓުން އެރިއެވެ. އެތައް އިރަކު އެއްޗެއް ނުބުނެ އިނެވެ. އެހެން އިންދާ ފެނުނީ ދެ ލޯ ފެންކަޅިވާންފެށި ތަނެވެ. އެންމެ ފަހުން މުދައްރިސްގެ އަތުން އައިސްތުގެ ނަންބަރު ހޯދުމަށްފަހު، މުދައްރިސް ދިޔުމުން އައިސްތުއަށް ގުޅިއެވެ.

“މީ ހަފީޒާ! މި ގުޅައިލީ ތި ދެ މައިންގެ ކިބައިން މާފަށް އެދެންވެގެން. ތި ވެދިން އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރަން.”

ހަފީޒާގެ އަޑު ތުރުތުރު އަޅައެވެ. އޭނާ އައިސްތުއާއި ޒުހާގެ ކިބައިން މާފަށް އެދުނެވެ. ވެދިން އިޚުލާޞްތެރި އެހީއަށް ޝުކުރު އަދާކުރިއެވެ. އަދި ހޮސްޕިޓަލަށް އައުމަށް އެ ދެ މައިންގެ ކިބައިން އެދުނެވެ.

ހަފީޒާ އެގޮތަށް ވާހަކަ ދެއްކުމުން އައިސްތުގެ ދެ ލޮލުން ކަރުނަ ހިލުނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެހެންކަމުން އެ ދެ މައިން އަވަސް އަވަހަށް ތައްޔާރުވެލައިގެން ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އޭރު ޝައިޝާގެ ހާލު ވެސް ރަނގަޅެވެ. ވާހަކަދައްކާލެވޭވަރު ވެއެވެ.

އައިސްތުއާއި ޒުހާ ކޮޓަރިއަށް ވަނުމާއެކު ހަފީޒާ އައިސް އައިސްތުއާ ސަލާންކޮށްލިއެވެ. ޒުހާގެ ގައިގައި ބައްދާލިއެވެ. އުފަން ދަރިއަކާ ދިމާއަށް ބަލައިލާފަދަ ގޮތަކަށް ބަލައިލިއެވެ. މި މަންޒަރު ބަލަން، ބަލި އެނދުގައި އޮތް ޝައިޝާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ. މި ތަން ފެނިފައި ޒުހާގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އެހެނަސް އެ ދެ ކުދީންގެ މޫނުމަތީން ފެނުނީ އުފާވެރިކަމެވެ.

ޝައިޝާ ހޮސްޕިޓަލުން ދޫކޮށްލީ ހަފުތާއެއްހައި ދުވަސް ފަހުންނެވެ. މިއަދު އެ ދެ ޢާއިލާގެ މެދުގައި ވަނީ ވަރުގަދަ އެކުވެރިކަމެއް އުފެދިފައެވެ. ޝައިޝާއާއި ޒުހާއަކީ ގާތް ދެ ރަޙުމަތްތެރިންނެވެ. ދެ ކުދީން ސުކޫލަށް ދަނީ އެކުގައެވެ. އަންނަނީ ވެސް އެކުގައެވެ. ޝައިޝާގެ މަންމައާއެކު ކާރުގައެވެ. އަވަށްޓެރީންނަކީ ކިހައި މުހިންމު ބައެއްކަން ހަފީޒާއަށާއި ވާފިރަށް ވިސްނިއްޖެއެވެ. މިއަދު އެ ދެ ޢާއިލާއަކީ ދެ އެޕާޓުމަންޓެއްގައި އުޅުނަސް އެއް ބަޔެކެވެ. އެކުވެރި އެއްބައިވަންތަ ދެ ޢާއިލާއެވެ.
ނިމުނީ

Readers Comments (8)

  1. Varahreethi

    Reply
  2. Everyone loves it when people get together and share thoughts. Great blog, keep it up!|

    Reply
  3. What the

    Reply
  4. Hello There. I found your blog using msn. This is an extremely well written article. I will make sure to bookmark it and come back to read more of your useful info. Thanks for the post. I’ll certainly return.|

    Reply
  5. Pretty! This has been an incredibly wonderful post. Many thanks for supplying these details.|

    Reply
  6. Generally I do not read post on blogs, but I would like to say that this write-up very forced me to try and do it! Your writing taste has been amazed me. Thank you, very great post.|

    Reply
  7. If some one needs expert view about blogging afterward i recommend him/her to pay a visit this webpage, Keep up the nice work.|

    Reply

ޚިޔާލު