ފުރަބަންދު (4)

“ދޮންބޭ!” ފަޒުލާގެ ދެ ލޯ ބޮޑުވިއެވެ. “ދޮންބެ ރޮނީތަ؟”

“ނޫން!” ފިޒާލް އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ޑްރެސިން ޓޭބަލްމަތީގައި އޮތް ރިމޯޓުނަގައި އެއަރކޯން ޖައްސާލިއެވެ. “ދޮންބެ ނުއެއް ރޮން! ކީއްވެ ތިހެން ތި ބުނީ؟” ފިޒާލް މަސައްކަތްކުރީ ޙަޤީޤަތް ފޮރުވާށެވެ.

“ދޮންބެގެ ލޮލުން ކަރުނަ އަންނާތީ.” ފަޒުލާއަށް އަދިވެސް ހުރެވުނީ ފިޒާލާދިމާއަށް ކަޅި ހުއްޓާލައިގެންނެވެ.

“އާނ، ކަރުނަ ދޯ؟” ފަޒުލާއާ ދިމާއަށް ފިޒާލު އެނބުރުނެވެ. “މި އުޅެނީ ލޮލަށް އެއްޗެއް ވެއްޓިގެން.” ފިޒާލު ލޯ އުނގުޅަންފެށިއެވެ.

“ނޭނގޭނެއެއްނު! މަ ހީކުރީ ދޮންބެ ރޮނީކަމަށް.” ފަޒުލާ ކުނިކަހަން ފެށިއެވެ.

“ކޮންކަމަކާ ދޮންބެ ރޯންވީ؟” ގަދަކަމުން ހިނިތުންވެލަމުން އައިސް، ފަޒުލާގެ ބޮލުގައި ފިޒާލް ލޯބިން ފިރުމައިލިއެވެ. “ދޮންބެ ދެކެ މިހައި ލޯބިވާ ކޮއްކޮއަކު ހުއްޓާ ކީއްވެ ރޯންވީ؟”

“މަ ނޫނަސް ދޮންބެދެކެ ލޯބިވާ ކުދިން ތިބެއޭ!” ލޮލުގެ ކުޑަކޮޅުން ފިޒާލާ ދިމާއަށް ފަޒުލާ ބަލައިލިއެވެ.

ފަޒުލާގެ އެ ޖުމުލައަކަށް ފިޒާލު އެއްވެސް އެއްޗެއް ނުބުނެ ގޮސް ވަނީ ފާޚާނާއަށެވެ. ފާޚާނާގައި ހުރިއިރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ކޮއްކޮ އެހެން އެ ބުނަނީ ޙަޤީޤަތް ނޭނގޭތީއެވެ. މަންމައާއި ބައްޕައާއި ކޮއްކޮ ފިޔަވައި އަހަރެންދެކެ ލޯބިވާ މީހަކު ނެތެވެ. ދެން އަހަރެން ބޭނުންވަނީ ނަދާގެ ލޯތްބެވެ. އެ ލޯބި އަހަންނަށް ލިބިދާނެހެނެއް މިހާރަކު ހިޔެއް ނުވެއެވެ. ނަދާ އަހަރެންދެކެ ރުޅި އަތުވެއްޖެއެވެ. ފޫހިވެއްޖެއެވެ. ހަމަ އެންމެ ސަބަބަކާ ހުރެއެވެ. ވިސްނައިނުލައި އަހަންނަށް ކުރެވުނު ކަމެއްގެ ސަބަބުންނެވެ.

ޖީބުގައި އޮތް ފޯނު ފިޒާލު ނެގިއެވެ. ގެލަރީ ހުޅުވައިލުމަށްފަހު ނަދާގެ ފޮޓޯއަށް ފިޒާލު ބަލަން ފެށިއެވެ. އިރުކޮޅަކު ބަލަން ހުރެފައި އެ ފޮޓޯ “ޑިލީޓް” ކޮށްލިއެވެ. ކުރެވުނު ކުށަށް ތައުބާވާން މަސައްކަތްފެށިކަހަލައެވެ. ނަދާ އޭނާދެކެ ރުޅިއައުމުގެ އަސްލަކީ އެ ފޮޓޯއެވެ. އެ ފޮޓޯ ނެގުމެވެ. އެހެންކަމުން އެ ފޮޓޯ އޭނާ އެ ފޮހެލީއެވެ. ނަދާގެ ރުޅި މަޑުވެން ބެލްކަންޏަށް ނިކުމެތޯއެވެ. އޭނާގެ ލޮލަށް ފިނިކަން ގެނެސްދޭތޯއެވެ.

ފާޚާނާއިން  ނިކުތްއިރު ފިޒާލުގެ ބޮލަށް ވަނީ ބަރުވެފައެވެ. އޭނާ މި ވަގުތު ބޭނުންވަނީ ޖައްސައިލާށެވެ. ކުޑަކޮށް އަރާމްކޮށްލާށެވެ. އޭރު ފަޒުލާ އިނީ، ކުނިކަހައި ނިމިގެން ފިޒާލު ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާ ބޭނުންވަނީ ބިޝާރާގެ ވާހަކަ ފިޒާލުގާތު ދައްކާށެވެ. އޭނާ ދޮންބެގެ ކޮޓަރިއަށް އައީ، އެ ވާހަކަ ދައްކާނޭކަމަށް ބިޝާރާގާތު ވަޢުދުވެފައެވެ.

“ހަމަ އަސްލު ވެސް ދޮންބެ އޯކޭތަ؟” ފިޒާލުގެ މޫނުމަތި ހުރިގޮތް ފެނިފައި ފަޒުލާއަށް އަހައިލެވުނެވެ.

“އަނެއްހެން އޯކޭ! ކުޑަކޮށް ބޮލަށް ބަރުވެލައިފަ ހުންނަ ދުވަހެއް!” ފިޒާލު އައިސް އެނދުމަތީގައި އޮށޯވެލިއެވެ.

“ބޮލުގައި ރިއްސަނީތަ؟” ފިޒާލުގެ ބޮލުގައި ފަޒުލާ ފިރުމައިލިއެވެ.

“ނޫން! ބަރުވެފަ ހުންނަނީ. ރޭ ރަނގަޅަށް ނުނިދުނީމަ ކަންނޭނގެ.”

“ނިދާލަންވީނު! މެންދުރު ނަމާދަށް ގޮވަން ކައިރިވީމަ އައިސް ގޮވާނަން!”

“ތީ ވަރަށް ރަނގަޅު ޚިޔާލެއް!” ފިޒާލު މިހާރު ބޭނުންވަނީ އެކަނިވެލާށެވެ.

ފިހިގަނޑު ހިފައިގެން ފަޒުލާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ބިޝާރާ ބުނި ކަންތައް މިއަދު ވެސް ވާ ގޮތް ނުވީއެވެ. އިރުކޮޅަކުން ބިޝާރާ ގުޅާނެ ކަންނޭނގެއެވެ. ބުނާނީ ކީކޭ ބާވައެވެ؟ އޭނާ އެ ހުންނަނީ ކެތްތެރިކަން ކުޑަވެ ކޮޅުންލައިފައެވެ. މި ވީގޮތުން އޭނާ ވަރަށް ދެރަވާނެއެވެ. އޭނާ ހުންނާނީ ވަރަށް ފޮނި އުއްމީދެއްގައެވެ. މި ކަހަލަ ފިކުރެއްގައި ހުރެ ފަޒުލާ ކޮޓަރިން ނިކުތްއިރު، ނިޒާރު ސޯފާގައި އިނެވެ. އެކަނިމާ އެކަންޏެވެ.

“ނިޒާރުބޭ!” ފަޒުލާ ގޮވައިލިއެވެ. އެ ކުދިން އެންމެ ކުޑައިރު ވެސް ނިޒާރު އެ ގެއަށް އައިސް އުޅެއެވެ. އެހެކަމުން އެ ކުދިންނަށް ބެލެވެނީ ނިޒާރަކީ އާއިލާގެ މެންބަރެއްގެ ގޮތުގައެވެ.

“އެކޮއި ބައްޕަ ކޮބާ؟”

“ކޮޓަރީގަ.”

“އަދި ނުތެދުވަނީ؟”

“ހީވަނީ. ގޮވައިލަންވީތަ؟”

“ނޫނޭ! ގޮވާނެކަމެއް ނެތް! ޓީވީ ހުޅުވައިލަދީ!”

ނިޒާރުބެއަށް ޓީވީ ހުޅުވައިލަދީފައި، ފަޒުލާ ގޮސް ވަނީ ކޮޓަރިއަށެވެ. ނިޒާރު އިނީ ޓީވީ ބަލާށެވެ. ޓީވީއިން ދައްކަނީ ކޮވިޑް 19 އާ ގުޅޭ ޚާއްޞަ ކަވަރޭޖެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހަކަށް ފުރަތަމަ ފަހަރަށް އޮކްސިޖަން ދީގެން ފަރުވާދޭންފެށި ވާހަކަ ކިޔެވެ. އެއީ އެ ބައްޔަށް ފައްސިވި ޕާކިސްތާނުގެ ދެ މީހުންގެ ތެރެއިން އުމުރުން 48 އަހަރުގެ މީހާއެވެ. ރާއްޖެއިން ފައްސިވި 226 މީހުންގެ ތެރެއިން ތިން މީހަކު، ދަރުމަވަންތަ ހޮސްޕިޓަލުގެ “ޑީއެޗް11” ގައި އެޑުމިޓްކޮށްގެން ފަރުވާ ދެމުންގެންދާ ވާހަކަ ވެސް ކިޔެވެ. އެއީ އޮކްސިޖަން ދީގެން ފަރުވާ ދެމުންދާ ޕާކިސްތާން މީހާގެ އިތުރުން 80 އަހަރުގެ ދިވެހި ފިރިހެނަކާއި 68 އަހަރުގެ ދިވެހި އަންހެނެކެވެ.

ނިޒާރު ޓީވީއަށް ގެއްލިފައި އިންދާ، ކޮޓަރީ ދޮރުހުޅުވާލައިފައި ތައުފީޤު ނިކުތެވެ. އޭނާ ހުރީ ފެންވަރައި ރީތިވެލައިގެންނެވެ. ތައުފީޤު ކޮޓަރިން ނިކުތުމާއެކު ހޫގޯ ބޮސްގެ މީރުވަހުން ސިޓިންގރޫމް އެއްވަސްވިއެވެ.

“ހާދަ ކުރިން މިއަދު އައިސް ތި އިނީ.” ތައުފީޤު ހިނިތުންވެލިއެވެ.

“ފަތިސްނަމާދުކޮށްލައިގެން ނިދަން އުޅެއުޅެ، މިއަދު އެއްގޮތަކަށް ވެސް ނިދޭގޮތެއް ނުވި. އެހެންވެ ތެދުވީ.”

“ޓީވީއިން ކީކޭ މި ކިޔަނީ؟” ތައުފީޤު އައިސް ސޯފާގައި ޖައްސައިލިއެވެ.

“ބަލީގެ ވާހަކަ އެ ދައްކަނީ. އެއީ ތާ މިހާރު އޮންނާނެ ވާހަކައަކީ. މިހާތަނަށް ޕޮޒިޓިވްވި 226 މީހުންގެ ތެރެއިން 206 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނޯ! އޭގެތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނޭ ވެސް ބުނި.”

“ކިތައް މީހުން؟”

“106 ބަންގާޅިން. 90 ދިވެހިން”

“ބާޒާރުމަތި ދޯ އެންމެ ނުރައްކާ ބޮޑުކޮށް މި އުޅެނީ.”

“އާނ! ދެންމެ ކިޔައިފި އެމްއެޗްއޭ އާއި ލިލީސްޓޯރާއި ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވި ވާހަކަ. އޭގެ ތެރޭގައި ވެސް ގިނައީ ބިދޭސީން.”

“އެހެންތަ؟ ހާދަ ގޯސްވަނީއޭ ދޯ!”

އާއެކެވެ. ތައުފީޤު ބުނިހެން މާލޭގެ ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެއްތާވި މީހުންގެ އަދަދު އިތުރުވަމުން އަންނަނީ ކަންބޮޑުވާންޖެހޭ ފަދަ މިންވަރަކަށެވެ. މީގެއިތުރުން އަތޮޅުތެރޭގެ ރަށްރަށުން ވެސް ބައްޔަށް ފައްސިވާ މީހުން މަދުމަދުން ނަމަވެސް އަންނަނީ ފެންނަމުންނެވެ.

ބަލީގެ ބިރުވެރިކަން ޢާންމުވަމުން އައުމާގުޅިގެން ރާއްޖޭގައި ނަފުސާނީ ބަލިމަޑުކަން ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ސަބަބަކީ ކޮވިޑް 19 އަކީ ފަރުވާއެއް ނެތް ބައްޔަކަށްވެފައި، މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ވާހަކަ ކެނޑިނޭޅި އިވެމުން ފެންނަމުން ދިޔުމެވެ. ރާއްޖެއިން ފައްސިވާ މީހުން ގިނަވަމުން އަންނަ ވާހަކަ، ޓީވީތަކާއި ނޫސްތަކުން ފެންނަމުން އަބަދާއި އަބަދު ފެންނަމުންދާތީ، ހިތުގެ ބިރުވެރިކަން އިތުރުވުމެވެ. ހަމައެއާއެކު ކުދިކުދި ތަންތަންކޮޅުގައި ބަންދުވެފައި ތިބެން ޖެހުމަކީ ވެސް، ނަފުސާނީ ބަލިމަޑުކަން އިތުރުވަމުން އަންނަ ސަބަބެކެވެ. އެ ގޮތުން މާރިޗުމަހު އެކަނި ވެސް ނަފުސާނީ މައްސަލަތަކާ ގުޅިގެން 715 މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދީފައިވެއެވެ.

މާލޭގެ ހާލަތު ގޯސްވަމުން ދިޔުމުގެ ކަންބޮޑުވުން އޮތީ ހަމައެކަނި މާލޭގައި ދިރިއުޅޭ މީހުންނަކަށް ނޫނެވެ. ރަށްރަށުގައި ދިރިއުޅެމުން އަންނަ މީހުންނަށް ވެސް މި ކަމުގެ ސަބަބުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މާލެއަށް ދަތުރުފަތުރު ކުރުމުގައި ކުރިމަތިވެފައިވާ ތާށިކަމުގެ ސަބަބުން، ކާބޯތަކެއްޗާއި ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދަން ވަނީ އިންތިހާއަށް ދަތިވެފައެވެ. މީގެއިތުރުން، ދަތުރުވަރުގައި މާލެއައިސް، މާލޭގައި ބަންދުވެފައި ތިބި އެތައް ބަޔަކު، ރަށަށް ނުދެވިފައި ތިބުމުގެ ސަބަބުން، ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި ތިބި އާއިލާތައް ވެސް، ރަށްރަށުގައި މަދެއް ނޫނެވެ. އޭގެތެރެއިން އެކަކީ ނަދާގެ މަންމަ ހާޖަރާއެވެ.

ނަދާ މާލޭގައި “ހައްޔަރުވެފައި” އިނުމުގެ ސަބަބުން ހާޖަރާ އިންނަނީ ވަރަށް ކަންބޮޑުވެ، ދެރަވެފައެވެ. އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުން އަންނަ ހާޖަރާގެ އެކަނިވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަދާއަށް ދެރަގޮތެއް ދިމާނުވެ، ސަލާމަތުން އެނބުރި ރަށަށް އާދެވޭތޯ އޭނާ އިންނަނީ އަބަދާއި އަބަދު ދުޢާކޮށްލަކޮށްލައެވެ. ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު އޭނާ ނަދާއަށް ގުޅައެވެ. ހާލު ބަލައެވެ. ނަދާ ކަންބޮޑުވެފައި ހުންނަވަރު އެނގޭތީ ހިތްވަރުދެއެވެ. އޭނާގެ އެކުވެރި ނީނާ ލައްވާ ވެސް ގުޅުވައެވެ.

ހާޖަރާގެ ފިރިމީހާ ވަނީ ނަދާ ވަރަށް ކުޑައިރު މި ދުނިޔެ ދޫކޮށްފައެވެ. އިތުރު ދަރިއަކު ހާޖަރާއަށް ލިބިފައި ނެތުމާއެކު، ނަދާ ދެކެ އޭނާ ވަރަށް ލޯބިވެއެވެ. އެކަނިމައި އެކަނި ނަދާ ގެންގުޅެ ބޮޑުކުރީ، ބުރަ މަސައްކަތް ކޮށްގެން ވަރަށް ދަތި ހާލުގައެވެ. މީހުންނަށް ގުލާނުކޮށްދީގެން ލިބޭ މަދު ފައިސާކޮޅުންނެވެ. އެހެންކަމުން މާ އެދެވޭ ތައުލީމެއް ނަދާއަކަށް ހޯދައެއް ނުދެވުނެވެ. އެހެންނަމަވެސް ހަރުދަނާ މަޔެއްގެ ތަރުބިއްޔަތާއި ގެވެހި ރީތި އުޅުމެއް ނަދާގެ ކިބައިގައި ހުރީތީ ހާޖަރާ އުފާވެއެވެ.

ނަދާއަށް ވަނީ ނަވާރަ އަހަރު ފުރިފައެވެ. ރަށުގެ ފިހާރައެއްގައި ވަޒީފާ އަދާކޮށްގެން ލިބޭ ތިން ހާހެއްހައި ރުފިޔާއާއި ގޭގައި އިނދެގެން ހާޖަރާ ކުރާ މަސައްކަތުން ލިބޭ ޢާމްދަނީއިން ދިރިއުޅުން ކުރިއަށްވުރެ ރަނގަޅެވެ. ނަދާ މާލެ ދިޔައީ އުނަގަނޑުގައި ރިއްސާތާ ދުވަސްކޮޅެއް ވުމުން ޑޮކްޓަރަށް ދައްކައިލާށެވެ. ދިޔަގޮތަށް މާލޭގައި ތާށިވީއެވެ. ހާޖަރާ ކަންބޮޑުވަނީ، އެ ގޮތަށް ނާދެވިފައި އިންދާ، ނަދާގެ ވަޒީފާ ގެއްލިދާނެތީއެވެ. ފިހާރައިން އޭނާއަށް ދިނީ ދެ ހަފުތާގެ ޗުއްޓީއެވެ. މިހާރު ސޯޅަ ދުވަސްވީއެވެ. ފިހާރައިގެ ވެރި ހާރޫނަކީ ނިކަން ފާޑެއްގެ މީހެކެވެ.

“މިހާރު ހިތަށްއަރައި ނަދާ މާލެއަށް ނުފޮނުވުނު ނަމައޭ.” ނީނާއާ ވާހަކަދައްކަމުން ހާޖަރާ ބުންޏެވެ. ނީނާމެންގެ ހުންނަނީ ހާޖަރާގެ ކުޑަކުޑަ މުސްކުޅިގެއާ އިންވެގެން ކަހަލަ ގޮތަކަށް ވަރަށް ކައިރީގައެވެ. އެހެންކަމުން ނީނާ ވަރަށް ގިނައިން އެ ގެއަށް އައިސް އުޅެއެވެ.

“ނަދާ ހުންނަނީ މިހާރު ފާޑަކަށް ބޯ ގޮވާފަ. އޭނަ ގެނެވޭތޯ ޒަކީބެއާ ވެސް ވާހަކަ ދައްކައިފިން. ބުނީ މި ދުވަސްކޮޅު ނުވާނެއޯ.” ނީނާ ހުރީ ދެރަވެފައެވެ.

“ހާޖަރާއްތަ އިއްޔެ ގުޅީމަ ބުނި ކުޑަކޮށް ބަލިކޮށް އުޅޭ ވާހަކަ. އެހެންވެ ރޭ ނުވެސް ނިދޭ. ފޯނުގަ ލާރި ނެތީމަ މިއަދު ގުޅާ ވެސް ނުލެވިގެން މި އުޅެނީ. މި ކަމަކާ ވިސްނައި ވިސްނައި މިހާރު ހުންނަނީ ބޮލުގައި ރިއްސާފަ.”

“އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.”

“ކުރީ ރޭ އަދި ވަރަށް އެހެން ކަހަލަ ހުވަފެނެއް ވެސް ފެނުނު.” ކަމެއް ހަނދާންވެގެން ބުނާ ކަހަލަ ގޮތަކަށް ހާޖަރާ ބުންޏެވެ.

“ކޮންކަހަލަ ހުވަފެއް؟”

“ފެންނަނީ ނަދާ ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓި ނުތެދުވެފައި އޮއްވާ. ނެގޭތޯ އުޅެއުޅެ ހާޖަރާއްތައަކަށް އޭނަ ނުނެގޭ. އަތެއް ނުފޯރާ. ދެން ހާޖަރާއްތަ ރޮމުން އެހީއަކަށް އެދި ގޮވަނިކޮށް، ނުވެސް ދަންނަ މީހަކު އައިސް އެހީތެރިވެދީގެން އެ މަންޖެ ސަލާމަތްކުރީ.”

“ފިރިހެނެއްތަ؟” ހާޖަރާއާ ދިމާއަށް ނީނާ ބަލައިލިއެވެ.

“އާނ! ހާޖަރާއްތަ ހިތަށް އަރަނީ އިރާދަކުރައްވައިގެން ރަނގަޅު ފިރިހެން ކުއްޖަކު ނަދާއަށް ލިބެން އުޅެނީއޭ.”

ހާޖަރާގެ އެ ވާހަކައަށް ނީނާ އެއްޗެއް ނުބުނެއެވެ. ނަދާގެ ކަރަށް ހެރިފައި ހުރި ކަށްޓެއް ކަހަލަ ލަތީފުގެ ކަންތައް ހާޖަރާއަށް ނޭނގޭކަން ނީނާއަށް ވެސް އެނގެއެވެ.

ފިޒާލުގެ މާޔޫސްކަން އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ބޮޑުވަމުންނެވެ. ނަދާގެ ޚަބަރެއް ނުވާތީ ކަންބޮޑުވަނީއެވެ. ވީ ގޮތެއް ވެސް ނޭނގޭތީއެވެ. އޭނާ ހުރީ ހަދާނޭގޮތް ބޮޑުވެ، ކޮޅުމަގަށް އަރާފައެވެ. އޭނާ އެންމެ ފިކުރުބޮޑުވަނީ، އޭނާއަށް އަންނަ ބަދަލު މަންމައަށް ނުވަތަ ބައްޕައަށް ފާހަގަކުރެވިދާނެތީއެވެ. އެ ކަމާ އޭނާ ވަރަށް ބޮޑަށް ވިސްނައެވެ. ކޮޓަރިން ބޭރުގައި ހޭދަކުރާ ވަގުތުތަކުގައި ވީހާވެސް ބޮޑަށް އެ ފިކުރުތައް އެއްފަރާތްކޮށްގެން އުޅެވޭތޯ މަސައްކަތްކުރެއެވެ. އެހެން އުޅޭއިރު ވެސް ބައެއް ފަހަރު ކޮއްކޮގެ ސުވާލުތަކާ ކުރިމަތިލާން އޮންނަނީ ޖެހިފައެވެ.

ފިޒާލު ގަސްތުކުރީ އަހުސަނަށް ގުޅައިލާށެވެ. ހުރިހައި ކަމެއް ހިތުގައި ފުނިޖަހައިގެން އުޅޭން ވަރަށް އުނދަގުލެވެ. މީހަކާ ހިއްސާކޮށްލުމުން ހިތަށް ލުއިވެދާނެއެވެ. އަހުސަނުގެ ފުށުން ރަނގަޅު ޚިޔާލެއް ވެސް ލިބިދާނެއެވެ. އެކަމަކު ގުޅާފަ މި ވާހަކަ ފަށާނީ ވެސް ކިހިނެއް ބާވައެވެ؟ މިއީ އަދި ވަރަށް އާ މައުޟޫއެކެވެ. ބުނެވޭ އެއްޗަކުން، ނުނީ ބުނެވޭ ގޮތަކުން އަހުސަނު ހޭން ވެސް ފަށައިފާނެއެވެ. ދިމާކުރާން ވެސް ފަށައިފާނެއެވެ. އެހެން ހަދައިފިއްޔާ އަނގަ ބެދޭނެއެވެ.

މި ކަހަލަ ކޮޅުބަންދުވެފައިވާ ޚިޔާލުތަކެއްގައި ފިޒާލް އޮތްއިރު، ފަޒުލާ އޮތީ އޭނާގެ ކޮޓަރީގައި ފޯނެއްގައެވެ. ފަޒުލާ ވާހަކަދައްކަމުން ގެންދިޔައީ އޭނާގެ އެކުވެރި ބިޝާރާއާއެވެ. އެކުވެރިކަމުގެ ތެރެއިން ތަފާތު ވާހަކަތައް ދައްކަމުން ގޮސް، ބޮޑު މައުޟޫއަށް ބިޝާރާ ވަދެއްޖެއެވެ. އެ ވާހަކަ ނުފަށާތޯ ފަޒުލާ އޮތީ ދުޢާކޮށްލަކޮށްލައެވެ. އޭނާއަށް އަދި ވެސް ދޮންބެގާތު އެ ވާހަކައެއް ނުދެއްކެއެވެ. ދައްކަންދާއިރު ކޮންމެވެސް ކަމެއްގައި ދޮންބެ އުޅޭތީ ނުދެއްކެނީއެވެ. ހަމަ ކުއްލިއަކަށް އެ ކަހަލަ މައުޟޫއަކަށް ވަންނަން އުނދަގޫ ވެސް ވަނީއެވެ. އެ ދެބޭން ކިތަންމެ ސަމާސާއެއް ކުރިޔަސް، އެ ބާވަތުގެ ވާހަކައެއް ދައްކައެއް ނޫޅެއެވެ. ނުވަންނަ މައުޟޫއަކަށް ވަނުން ވާނީ، ބީރައްޓެހި ތަނަކަށް ވަނުން ކަހަލަ ކަމަށެވެ. ޖެހިލުންވެ ފަސްޖެހޭނެއެވެ. ފަޒުލާއަށް ވެސް ވަނީ އެހެންނެވެ. ބިޝާރާ ނޫން ކުއްޖެއްގެ ކަމެއް ނަމަ، ހަމަ ވަގުތުން ނުކެރޭނެއޭ، ނުވާނެއޭ ފަޒުލާ ބުނާނެއެވެ.

“އަދިވެސް ނުބުނެވިގެން މި އުޅެނީ.” ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ފަޒުލާ ބުންޏެވެ.

“މަށަށް އެނގޭ ފަޒޫއަށް ވަރަށް އުނދަގޫ ވާނެކަން ވެސް. އެކަމަކުވެސް ބޭނުންވާލެއް ބޮޑުކަމުން ބުނެވެނީ.”

“އެނގޭ.”

“މި ޚިޔާލު ދޫކޮށްލަންވީ ކަންނޭނގެ ދޯ؟”

އެއީ ވެސް ފަޒުލާ ބޭނުންވާ ގޮތެއް ނޫނެވެ. ބިޝާރާ ކަހަލަ ރަނގަޅު ކުއްޖަކާ ގުޅިގެން، ރީތި ދިރިއުޅުމެއް ދޮންބެ އުޅޭތަން ދެކެން ފަޒުލާ ބޭނުންވެއެވެ.

“ސާބަސް! އަދި ތި ޑިސިޜަން ނަގަން މާ އަވަހެއްނު. މަޑުކޮށްބަލަ!”

“އެކަމަކު ވެސް ދޮންބެއާ ހަމައަށް މި ވާހަކަ ގެންގޮސްދޭނެ ގުރައެއް މައިނާއެއް ކަހަލަ އެއްޗެއް މަގޭ އަތަކުނެތޭ.” ބިޝާރާ ސަމާސާ ރާގަކަށް ބުންޏެވެ. ދެރަވެފައި ހުއްޓަސް ހިނިގަނޑެއް ޖަހައިލިއެވެ. ފަޒުލާ އެއްޗެއް ހީކޮށްފާނެތީއެވެ.

“އިރާދަކުރެއްވިއްޔާ މިއަދު ބުނާނަން!”

ބިޝާރާގެ ފޯނުކޯލު ނިންމައިލުމަށްފަހު، ފަޒުލާ ކޮޓަރިން ނިކުމެ، މިސްރާބުޖެހީ ދޮންބެގެ ކޮޓަރިއާ ދިމާއަށެވެ. އޭނާ ގޮސް ތަޅުގައި ހިފައިލިއެވެ. ހުރީ ތަޅުނުލައެވެ. އެހެންކަމުން ދޮރުހުޅުވައި، ކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. ދޮންބެ ފެންނާކަށް ނެތެވެ. ފަޒުލާ ކޮޓަރިއަށް ވަނެވެ. އެކި ދިމަދިމާއަށް ބަލައިލިއެވެ. ދޮންބެ ހުރީ ބެލްކަނީގައެވެ. ފަޒުލާ މަޑުމަޑުން ހިނގައިގަތެވެ. ދޮންބެ ސިއްސުވައިލާށެވެ. ދެތިން ފިޔަވަޅެއް އެޅުމާއެކު ދޮންބެގެ އަޑު ކަންފަތުގައި ޖެހުނެވެ. ދޮންބެ ހުރީ ފޯނެއްގައިކަން އެނގުމުން، އުނދަގޫ ނުކުރާން ނިންމައި އެނބުރި އައި ކޮޅަށް ހިނގައިގަންނަން އުޅެނިކޮށް، ދޮންބެ ބުނި އެއްޗަކުން ފަޒުލާގެ ފިޔަވަޅަށް ވަގުތުން ހުއްޓުންއެރިއެވެ.

ނުނިމޭ

އަންނަ ހޮނިހިރު ދުވަހަށް އިންތިޒާރުކޮށްލައްވާ!

Readers Comments (11)

  1. Im obliged for the post.Really looking forward to read more.

    Reply
  2. Thanks a lot for the article.Really thank you!

    Reply
  3. Awesome blog article.Much thanks again. Will read on…

    Reply
  4. Thanks again for the article post.Really looking forward to read more. Much obliged.

    Reply
  5. certainly like your web site however you need to take a look at the spelling on several of your posts. Many of them are rife with spelling issues and I find it very bothersome to tell the truth however I’ll definitely come back again.|

    Reply
  6. There’s definately a lot to learn about this subject. I really like all of the points you’ve made.|

    Reply
  7. Really when someone doesn’t know afterward its up to other people that they will assist, so here it takes place.|

    Reply
  8. It’s nearly impossible to find well-informed people on this subject, but you seem like you know what you’re talking about! Thanks|

    Reply
  9. My developer is trying to convince me to move to .net from PHP. I have always disliked the idea because of the expenses. But he’s tryiong none the less. I’ve been using WordPress on a number of websites for about a year and am anxious about switching to another platform. I have heard good things about blogengine.net. Is there a way I can transfer all my wordpress posts into it? Any help would be really appreciated!|

    Reply
  10. Hi, everything is going fine here and ofcourse every one is sharing facts, that’s really fine, keep up writing.|

    Reply

ޚިޔާލު