“މިހާރު އެއީ ކުރީގެ ސުއާދެއް ނޫން! މި ދިޔަ އަހަރު ވަރަށް އެކްޓިވްކޮށް އުޅުނު ކުއްޖެއް އެއީ. އެކަމަކު މިހާރު އިންނަނީ ފާޑަކަށް ހުއްޓުންއަރާފަ. ހީވަނީ ކޮންމެވެސް ކަމެއް ވެއްޖެހެން.” ސުއާދުގެ ކުލާސް ޓީޗަރ ހަމީޒާ، ވާހަކަދައްކަމުން ގެންދިޔައީ އޭނާގެ ކުރިމަތީގައި އިން ސުއާދުގެ މަންމަ އިހުސާނާއާއެވެ. ހަމީޒާގެ ވާހަކަ އިވިފައި، އިހުސާނާއަށް އިސް އޮބައިލެވުނެވެ. ހިތުން ލޭކަރުނަ އޮހިގަތެވެ.
ސުއާދަކީ އިހުސާނާގެ އިން ހަމައެކަނި ދަރިފުޅެވެ. ސުއާދު މި އަހަރު ކިޔަވަނީ ގުރޭޑު 5 ގައެވެ. އިހުސާނާ، ސުއާދު ގެންގުޅެމުން އަންނަނީ، އަތްގޮށީގައި އިންދައިގެން ބަލަހައްޓާ، ފިނިފެންމާ ކުރިއެއް ފަދައިންނެވެ. އަންހެންކުއްޖަކަށް ވީތީ ވަކިން ބޮޑަށް ސުއާދަށް ސަމާލުކަން ދީގެންނެވެ. މިއަދު އޭނާއަށް އިވެމުން އެ ދަނީ ދުވަހަކު ވެސް އޭނާ އަޑުއަހަން ބޭނުންވާ ފަދަ ވާހަކަތަކެއް ނޫނެވެ.
ހަމީޒާގާތު އޭނާ ބުނަން ބޭނުންވާ އެތައް ވާހަކައެއް އެބަ ހުއްޓެވެ. އެ ވާހަކަތައް ނުރައްކާތެރި ސޫތްޕެއްގެ ސިފައިގައި، އޭނާގެ ސިކުނޑިއަށް ވެރިވެ، ސިކުނޑި ކާންފެށި ކަހަލައެވެ. ބޮލުގައި ޒާތެއްގެ ވޭނެއް އުފެއްދިއެވެ. ދެ ލޮލުގައި ކަރުނައިގެ ކޯރެއް އުފެދި، ބަންޑުންވެއްޖެއެވެ. ހަމީޒާ އިނީ ކަޅިޖަހާ ނުލައި އިހުސާނާއާ ދިމާއަށް ބަލާށެވެ. އޭނާއަށް އަންނަމުން ދިޔަ ބަދަލުތަކާމެދު ވިސްނާށެވެ.
“ކޮންމެ މީހަކަށް ވެސް ކަމެއް ކުރިމަތިވެދާނެ!” ހަމީޒާ ވާހަކަ ދައްކަން ފެށިއެވެ. “ދުނިޔަވީ ޙަޔާތް، ކުރަކިކަމެއް ނެތި، ނިމިދާނޭ ކަމަށް އުއްމީދު ކުރާކަށް ނުވާނެ. އެހެންނަމަވެސް ކުރިމަތިވާ ކަންކަމާ ހަނގުރާމަކުރަން ކެރޭ، ހިތްވަރު ގަދަ މީހަކަށް ވާންވާނެ!”
މި މޭރުމުން ހަމީޒާ ވާހަކަ ދައްކަން ފެށުމުން، އިހުސާނާއަށް ރޮވިއްޖެއެވެ. އެހެންނަމަވެސް ހަމީޒާ ވާހަކަ މެދުކަނޑައެއް ނުލައެވެ.
“ވަރަށް ކުޑަކުޑަ ވެލިފުކެއްކަމަށް ހީކޮށް ދޫކޮށްލެވޭ ވެލިފުށް، ބޮޑު ފަރުބަދައަކަށް ވެގެން އައިސް، ތިމާގެ ބޮލަށް ވެއްޓިދާނެކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެ!”
ހަމީޒާގެ ވާހަކަތައް އަޑުއަހަން ރޮވިފައި އިން އިހުސާނާ، އިސް އުފުލައި ހަމީޒާގެ މޫނަށް ބަލައިލިއެވެ. މި ވަގުތު އޭނާ ބޭނުން ވަނީ ހިތްވަރެއް ހޯދާށެވެ. ދުލަށް ބާރުލާށެވެ. ހިތުގައި އުފެދި ބޮޑުވެ، ހުޅިލާފައިވާ ރާޅު، ހަމީޒާގެ ކުރިމައްޗަށް ބިންދައިލާށެވެ! އެ ރާޅުގެ ދަށުނުވެ، ސަލާމަތްވާށެވެ. ދެ ލޮލުން ކަރުނަ ފުހެލައި، ހިންދިރުވައިލީ އެ މަޤުޞަދުގައެވެ.
“ހާދަ ލަސްވީ މިއަދު.” ހަމީޒާއަށް ގެއަށް ދެވުނުއިރު ތިނެއް ޖަހަނީއެވެ. ހާޝިމް ހުރީ ހަމީޒާގެ އިންތިޒާރުގައެވެ. ހަމީޒާއާ އެއް ސުފުރާމަތިން ނޫނީ ކައިއެއްޗެއް ކެއުމަކީ ހާޝިމަށް އުނދަގޫ ކަމެކެވެ. އެހެންކަމުން އޭނާ ހުރީ ހައި ބަނޑާއެވެ.
“ވަރަށް ބޮޑުކަމެއް ދިމާވެގެން ލަސްވީ” ހަމީޒާގެ އަޑުގައި ވަރުބަލިކަމާ އެއްވަރަށް ހާންތިކަން ވެސް ހުއްޓެވެ.
“ކިހިނެއްވީ އަނެއްކާ؟” ހަމީޒާގެ މޫނުމަތީގެ ކުލަވަރު ފެނިފައި، އޭނާގެ ޠަބީޢަތް އެހައި ރަނގަޅު ނޫންކަން ހާޝިމް ދެނެގަތެވެ.
“ފުރަތަމަ ފެން ވަރައިލަން ބޭނުންވަނީ. ވަރަށް ބޮޑަށް ބޮލުގައި ވެސް އެބަ ރިއްސާ.”
އިހުސާނާ އޮތީ ކޮޓަރީގައެވެ. ސުއާދު ފެންވަރަން ވަނުމުން، އޭނާ އެނދުމަތީގައި ޖައްސައިލީ، ކޮޅަށް ހުންނަހައި ހިތްވަރު ނެތީމައެވެ. ބޯ އައްސިވެ، ދެ ފައިން ވާގިދޫވާން އުޅޭހެން ހީވުމުންނެވެ. ހަމީޒާ ބުނި ފަދައިން، އެ ދުވަހު ދޫކޮށްލެވުނު ވެލިފުށް، މިއަދު ވަނީ ބޮޑު ފަރުބަދައަކަށް ވެފައެވެ. އެ ފަރުބަދަ އޭނާގެ ބޮލަށް ވެއްޓޭކަށް ދެން މާ ގިނަ އިރެއް ނެތެވެ. ވެވުނު ގޮތަކުން ރައްކާތެރިކަން ހޯދާން އެބަ ޖެހެއެވެ. ހަމީޒާއަށް އެ ވާހަކަތައް ކިޔައި ނުދެވުނު ނަމައޭ މިހާރު އޭނާގެ ހިތަށް އަރައެވެ. އެކަމަކު އެއީ ހެދުނު ގޯހެއް ބާވައެވެ؟ އެ ވާހަކަތައް ހިއްސާކޮށްލުމުން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނުހެން ވެސް ހީވެއެވެ.
ކޮޓަރީގައި ހުރި ފަންކާ، ބުރު ނޭގޭވަރަށް އެނބުރެމުންދެއެވެ. ވައިކަފާ އަޑު ފިޔަވައި އިތުރު އަޑެއް ކޮޓަރިއަކު ނެތެވެ. އިހުސާނާ އޮތީ، ފިކުރެއް ނެތި އެނބުރެމުން ދާ ފަންކާއަށް ބަލަހައްޓައިގެން، ފުން ފިކުރެއްގައެވެ. އެހެން އޮތްއިރު އޭނާގެ ސިކުނޑި ވަނީ، އައި މަގުން ފަހަތަށް ދަތުރުފަށާފައެވެ.
“ދަރިފުޅާ! ދަރިފުޅަށް ކުރަން ތި އުޅެވެނީ ރަނގަޅުކަމެއްހެން ހީވޭތަ؟” އެއީ މީގެ ސާދަ އަހަރު ކުރީން އިހުސާނާއާ ކުރިމަތިވި ސުވާލެކެވެ. އޭނާގެ ލޯބިވާ މަންމަ އޭނާއާ ކުރިމަތިކުރި ސުވާލެކެވެ. އެ ސުވާލު އޭނާގެ ކަންފަތުގައި ގުގުމާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
“އާނ! މުޙައްމަދަކީ ވަރަށް ރަނގަޅު މީހެއް. މަ ދެކެ އޭނަ ވަރަށް ލޯބި ވޭ.” އެ ދުވަހު މަންމައަށް އިހުސާނާ ދިނީ މި ޖަވާބެވެ.
އިހުސާނާ، މުހައްމަދާ ކައިވެނިކުރާކަށް އޭނާގެ މަންމައާއި ބައްޕަ ގަބޫލެއް ނޫނެވެ. ބީރައްޓެސަކަށް ވުމަކުން ނޫނެވެ. އަރުވާލި މީހަކަށް ވާތީއެވެ. އަރުވައިލާނީ ކުށްވެރިންނެވެ. ކުށްކުރާ މީހުންނެވެ. ކުށްކުރާނީ ގޯސް މީހުންނެވެ. ވިޔާނުދާ މީހުންނެވެ. އެއީ އޭރު ދިވެހިންގެ އާންމު ޤަބޫލުކުރުމެވެ.
މައިންބަފައިންގެ ބަހެއް އެ ދުވަހު އިހުސާނާއަކަށް ނޭހުނެވެ. ގޮތް ދުލެއް ނުކުރެވުނެވެ. އޭނާގެ ގޮތުގައި އޭނާ ހިފެހެއްޓިއެވެ. ކިތަންމެ ވަރަކަށް ވާންވިޔަސް ހެޔޮކަމަށެވެ. ހިތްވަރު ދިނީ މުޙައްމަދެވެ. ނަތީޖާއަކަށްވީ، މައިންބަފައިންގެ އަތުން ދޫވުމެވެ. މުޙައްމަދު މިނިވަންވެގެން އައުމުން، މަންމައާއި ބައްޕަގެ ނުރުހުމުގައި މުހައްމަދާ ކައިވެނިކުރީއެވެ.
ކައިވެނިކޮށްގެން ދަރިއަކު ލިބޭންދެން، އެ ދެމަފިރިން ދިރިއުޅުނީ، އިހުސާނާގެ އެކުވެރި ނަޝީދާމެންގޭގައެވެ. އިހުސާނާގެ މައިންބަފައިންގެ ގޭގައި އުޅެން މުހައްމަދު ބޭނުން ނުވީއެވެ. ކައިވެންޏާ ދެކޮޅުހެދުމުގެ ސަބަބުން، އެނާގެ ހިތުގައި ރޯވި އަލިފާންގަނޑު އަދިވެސް ވަނީ ނުނިވިއެވެ.
ސުއާދު ލިބުމުން އެ އާއިލާ މާލެއަށް ދިރިއުޅުން ބަދަލުކުރިއެވެ. ތުއްތު ކުއްޖަކު ގޮވައިގެން ނަޝީދާމެންގެ ގޭގައި އުޅެން ދަތިވުމުންނެވެ. އިހުސާނާ މާލެއަށް ބަދަލުވާން އުޅޭކަން އެނގުމުން، އޭނާގެ މަންމަ އައިސް، އެ ގެއަށް ދިޔުމަށް އެދި އާދޭސްކުރިއެވެ. އެހެންނަމަވެސް މުޙައްމަދު ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މައިންބަފައިންގެ ކަރުނަތަކަށް ކަނު ލޮލެއް ދީފައި، މާލެއަށް ބަދަލުވާން އިހުސާނާއަށް މަޖުބޫރުވީއެވެ.
މާލެއިން އެއް ކޮޓަރީގެ ކުޑަކުޑަ ތަންކޮޅެއް ކުއްޔަށް ހިފައިގެން، އިހުސާނާ މާލެއަށް ދިރިއުޅުން ބަދަލުކުރީ، ހިތުން ރުހުމަކުން ނޫނެވެ. ފިރިމީހާއާ ދެކޮޅުހަދާން ނުކެރިގެންނެވެ. މައިންބަފައިންގެ ބޮލަށް ފައިންއަރާފައި، ފިރިމީހާގެ ފަސްބައިގައި އެލިގަނެގެން މާލެ ބަދަލުވުމަށް ޓަކައި އޭނާ ހިތްވަރު ހޯދީ، އެންމެ ކަމެއް ހިތަށް ވެރިކުރުވައިގެންނެވެ. ދަރިފުޅުގެ ކުރިމަގު އުޖާލާކޮށްދިނުމެވެ.
މުޙައްމަދު ވަޒީފާއެއް ހޯދީ މާލެކައިރި ރިސޯޓަކުންނެވެ. މުހައްމަދު ރިސޯޓަށް ދާންފެށިތާ ދުވަސްކޮޅެއްފަހުން، ގެއަށް ޓީވީއަކާއި ވީސީއާރެއް ގަތެވެ. ބެހެއްޓީ ކޮޓަރީގައެވެ. އޭގެފަހުން ކޮންމެ މަހަކު، ޗުއްޓީއަށް ލިބޭ ހަތަރު ފަސްރޭ އޭނާ އިންނާނީ، ފިލްމެއް އަޅުވައިގެން ނުނިދާ ފިލްމު ބަލާށެވެ. ބައެއް ރޭރޭ އިހުސާނާއަށް ހޭލެވޭއިރު، މުޙައްމަދު އިންނަނީ ޓީވީއަށް ގެއްލިފައެވެ. ޓީވީން ފެންނަނީ ބަލަން އުނދަގޫ މަންޒަރެކެވެ. އިހުސާނާއަށް ޖެހެނީ ލޯ މަރައިލާށެވެ.
މި ކަމެއް މުހައްމަދު ފެށިފަހުން، އިހުސާނާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. ހިތް ނުތަނަވަސްވެފައެވެ. ކޮޓަރިތެރޭގައި އެ ކަހަލަ ކަންކަން ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ސުއާދުގެ އުމުރުން ދެ އަހަރު ފުރިއްޖެއެވެ. އެ މަންޖެއަށް އެ ކަހަލަ މަންޒަރެއް ފެންނާކަށް އޭނާ އެއްގޮތަކަށް ވެސް ނޭދެއެވެ. އެހެންކަމުން އޭނާ ގަސްތުކުރީ، މުހައްމަދުގެ ފަރާތުން ކޮންމެ ފަދަ ޖަވާބެއް އަޔަސް ހެޔޮކަމަށް އެ ވާހަކަ ބުނާށެވެ.
“ސާބަސް! އެއީ ހަމަ އާދައިގެ އިނގިރޭސި ފިލްމެކޭ! ބަރަނިފަށެއް އަތުޖެހުނަސް ހެތުރަކަށް ހަދައިލާތި! އެހެންނޫނީ އަންހެނަކަށް ނުވާނެ!”
މުހައްމަދުގެ ރުންކުރު ޖަވާބު އިވިފައި، އިހުސާނާއަށް ޖެހުނީއެ ވާހަކަ ހުއްޓައިލާށެވެ. އެހެންނަމަވެސް އެއީ ހައްލެއް ނޫނެވެ. މުހައްމަދު އެކަން ހުއްޓައިނުލައިހައި ހިނދަކު، އިހުސާނާގެ ހިތަކަށް ފިނިކަމެއް ނުލިބޭނެއެވެ. މުހައްމަދު މާލެއަށް ނައިސް ރިސޯޓުގައި ހުރިއްޔާ މާ ރަނގަޅޭ، އޭނާގެ ހިތަށް ބައެއް ފަހަރު އަރައެވެ.
ސުއާދުގެ އުމުރުން ދެ އަހަރު ބައި ވުމުން، އިސްކޫލަށް ވައްދައިފިއެވެ. އެއާއެކު ދިރުއުޅުމުގެ ޚަރަދުތައް ކުރިއަށްވުރެ ބޮޑުވިއެވެ. އެހެންކަމުން ދެމަފިރިން މަޝްވަރާކުރުމަށްފަހު، އިހުސާނާ ވަޒީފާއަކަށް ދާންފެށިއެވެ. ސުއާދު އިސްކޫލުގައި ހޭދަކުރާ ވަގުތު، އިހުސާނާ އުޅެނީ ފިހާރައިގައެވެ. ތިން ހާސް ރުފިޔާގެ މުސާރައެއް ލިބެއެވެ.
ސުއާދު ގުރޭޑު 1 އަށް ވެއްދި އަހަރަކީ، އިހުސާނާގެ މަންމަ ބަލިވި އަހަރެވެ. ބައްޕަ ގުޅާފައި އެ ވާހަކަ ބުނުމުން އިހުސާނާ ވަގުތުން މުހައްމަދަށް ގުޅައި މަންމަ ބަލިވެއުޅޭ ވާހަކަ ބުންޏެވެ.
“މަށަކީ ޑޮކްޓަރެއް ނޫނޭ!”
“ދެން ސަމާސާ ނުކޮށްބަލަ! އަހަރެން ރަށަށް ގޮސްލަންތަ؟ މާދަމާއަކީ ހުކުރު. ހޮނިހިރު ދުވަހު އަންނާނަން.”
“މަ ވެސް މިއަދު މާލެދާށޭ މި އުޅެނީ.”
“މުޙައްމަދު ވެސް ދާނަން ދޯ؟” އިހުސާނާ އުފަލުން ވަރެއް ނެތެވެ.
“މިހިރަ ހޭނުޖެހޭ މޮޔަ އިހުސާނާ! ދުވަހެއްގެ ކޮޅުން ވެސް، އެ ދެމަފިރިންނާ ހަތަރުކަޅި ހަމަނުކުރާނަމޭ އަހަރެން ބުނި ހަނދާނެއް ނުވޭތަ؟”
“އެކަމަކު އެއީ މާ ކުރީގެ ކަމެއްނު!” މުޙައްމަދު ބުނި ވާހަކައިން އިހުސާނާ ވަރަށް ދެރަވިއެވެ.
“ކަން ކިތަންމެ ކުރިޔަސް، މީ ހަމަ އެ މުހައްމަދު. އެއީ ހަމަ އެ ސައީދާއި އެ ނަޖުމާ. އެހެންވީމާ މަށެއް ނުދާނަން! އިހުސާނާއެއް ވެސް ނުދާނެ!”
“ހެޔޮނުވާނެ މުހައްމަދު. ތިހެން ނަހަދާ! އަހަރެން މިއަދު ގޮއްސަ މާދަމާ ވެސް….”
“މަގޭ އަނތްބަކު މަގޭ ނުރުހުމުގައި، ހޭވިފައި ހުންނަ އިސްތަށްޓެއް ވެސް ރީތިކޮށްނުލާނެ! މި ގަޑި ވަރަށް ބިޒީ. މި ނައްޓާލަނީ ޑައިވިނަށް.”
މުޙައްމަދު ފޯނު ބޭއްވުމުން އިހުސާނާއަށް ރޮއިގަނެވުނެވެ. އެހައި ރަހުމުކުޑަކޮށް މުހައްމަދު ކަންތައްކޮށްފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
އޭގެ ފަހުން ވެސް ދެ ފަހަރު ބައްޕަ ގުޅިއެވެ. އިހުސާނާ ދެކެލައިހިތުން މަންމަ އުޅޭތީއޭ ކިޔައިފައެވެ. އެހެންކަމުން އިހުސާނާ ގަސްތުކުރީ، މުހައްމަދު މާލެއަށް އައުމުން، އަނެއްކާ ވެސް އެ ވާހަކަ ދައްކާށެވެ. އާދޭސް ވެސް ކުރާށެވެ. އެހެންނަމަވެސް އެ ދުވަހު މުހައްމަދު މާލެއަކަށް ނައެވެ. ފޯނުކޮށްކޮށް ފޯނެއް ވެސް ނުނެގިއެވެ. މުޙައްދު ނުގަބޫލަސް ދާންވީއޭ އިހުސާނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ނުކެރުނެވެ.
ހުކުރު ދުވަހު ހަވީރު އިހުސާނާއަށް ލިބުނީ، މަންމަގެ ހާލު އިތުރަށް ގޯސްވި ޚަބަރެވެ. އިހުސާނާއަށް ގޮތް ހުސްވިއެވެ. އަވަސް އަވަހަށް މުޙައްމަދަށް ގުޅިއެވެ. ފޯނު ނެގުމުން އާދޭސްކުރަން ފެށިއެވެ. އެތައް އާދޭހެއްކޮށް، އެތައް ރުއިމެއް ރުއިފަހުން، ރަށަށް ދިޔުމުގެ ހުއްދަ އިހުސާނާއަށް ލިބުނެވެ. މާދަމާ އެނބުރި އައުމަށް ޝަރުތުކޮށްފައެވެ. އިހުސާނާގެ ފައި ރަށުގެ ފަސްގަނޑުގައި ޖެހުމާއެކު ލިބުނީ މަންމަ ނިޔާވެގެން އުޅޭ ޚަބަރެވެ. ހިތް ފަޅައިގެންދާ ވަރުވިއެވެ.
ކަން ކުރެވުނު ގޮތުން މުހައްމަދު ފަހުން ވަރަށް ދެރަވެގެން އުޅުނެވެ. މާފަށް ވެސް އެދުނެވެ. އިހުސާނާ މާފުކުރިއެވެ. މުހައްމަދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، މުހައްމަދު ދެކެ އޭނާ އަދިވެސް ލޯބިވެއެވެ. ބައެއް ފަހަރު ކުޅޭކުޅޭ އެއްޗަކަށް ހަދާލައިގެން ގެންގުޅޭހެން ހީވިޔަސް، ކެތްތެރިވެވެނީ އެހެންވީމައެވެ. މުހައްމަދު ހިނިތުންވެލައިފި ނަމަ، މުހައްމަދާއެކު އޭނާ ހޭނެއެވެ. މުހައްމަދު ރުޅިއަތުވެއްޖެ ނަމަ އޭނާގެ ކަމަކީ ރުއިމެވެ.
މި ކަހަލަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް، ސުއާދުގެ އުމުރުން ހަތް އަހަރުފުރި، އަށް އަހަރަށް އަޅައިފިއެވެ. އަދިވެސް އެ ދެމަފިރިން ދިރިއުޅެމުން އަންނަނީ، މީގެ ހަތް އަހަރު ކުރިން ހިފި، އެއް ކޮޓަރީގެ ކުޑަކުޑަ ތަންކޮޅުގައެވެ. ސުއާދު ބޮޑުވަމުން އަންނައިރު، އެ މަންޖެއާއެކު އެއް ކޮޓަރީގައި ނިދުމަކީ، އިހުސާނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އޭނާ އެންމެ ބިރުގަތީ، އޭނާ އުޅޭ ފިހާރައިގެ މީހަކު، އެއް ދުވަހަކު ދެއްކި ވާހަކައަކުންނެވެ. ގަބޫލުކުރަން ވެސް ދަތި ވާހަކައެކެވެ.
އެއީ ވެސް ހަމަ މި ގޮތަށް އެއް ކޮޓަރީގައި، ކުޑަ އަންހެން ކުއްޖަކާއެކު ދިރިއުޅެމުން އައި ދެމަފިރިއަކަށް ދިމާވި ކަމެކެވެ. އެއް ރޭ ބައްޕައަށް ހޭލެވުނީ، ފަސްވަރަކަށް އަހަރުގެ ކުޑަކުޑަ އަންހެން ދަރިފުޅު ހޭލައިއޮވެ، ބައްޕައާ ކުޅެނިކޮށެވެ. ހޭލެވުމާއެކު ބައްޕައަށް ފުންމައިގެން ތެދުވެވުނެވެ. ނިދިފިލައި، ލޭ ގަނޑުވި ކަހަލައެވެ. ހިތަށް ކުރި ފުން އަސަރަކުން ރޮވުނެވެ. އެހެންނަމަވެސް ވަރަށް ހިތްވަރުކޮށްފައި، ދަރިފުޅަށް ވިސްނޭނޭހެން، ވަރަށް ލޯބިން ނަސޭހަތްދިނެވެ. އެއީ ވަރަށް ގޯސްކަމެއްކަމަށް ބުނެދިނެވެ. އެހެންނަމަވެސް ޖެހިގެން އައި ރޭ ވެސް، ހަމަ އެ އަމަލު ދަރިފުޅުގެ ކިބައިން ތަކުރާރުވިއެވެ. އެހެންކަމުން އަންހެނުންނާ އެ ވާހަކަ ހިއްސާކޮށް، އަންހެނުންލައްވާ ވެސް ދަރިފުޅަށް ނަސޭޙަތްދިނެވެ. އިތުރު ގޮދަޑިއެއް ގަނެ، ދުރުގައި އޮވެ ނިދަން ފެށިއެވެ. ދެތިން ރެއެއްގެ މެދުކެނޑުމަކަށްފަހު އަނެއްކާ ވެސް އެ ކަން ފެށުނެވެ. މީހަކާ އެ ވާހަކަ ހިއްސާކުރާކަށް ނުކެރުނެވެ. އެންމެފަހުން ބޯ ހާސްވެ، ގޯސް ހެދުނީއެވެ.
“މިހާރު ސުއާދަށް ވެސް ހަތް އަހަރު ފުރެނީ. ތަންކޮޅެއް އަގުހެޔޮކޮށް ދެ ކޮޓަރީގެ ތަންކޮޅެއް ލިބޭތޯ ބަލަންވީނު.” މުޙައްމަދަށް ސައިހަދައިދީފައި، ކައިރީގައި އިހުސާނާ އިށީނނެވެ.
“މޮޔަވީ؟ މީ މާލެއޭ!”
“އެނގޭ! އެކަމަކު ވެސް ސުއާދު ބޮޑުވަމުން އަންނާތީ މި ބުނީ.”
“ކޮޓަރިއަށް ނުތަކާހައި އެ މަންޖެ ބޮޑުވީތަ؟ ކިތައް ކިލޯ މިހާރު ހުރޭ؟ ހަމަޖެހޭ ވާހަކަ ދައްކަބަލަ!”
“މަ މި ބުނާ ވާހަކަ މުހައްމަދަށް ހަމަ ނުވިސްނެނީތަ؟ ދަރިން ބޮޑެތިވަމުން އަންނައިރު، އެއް ކޮޓަރީގައި ނިދުމަކީ، އެ ކުދިންނަށް ފެންނާން ނުވާ ކަހަލަ އެތައް މަންޒަރެއް ފެންނާނެ ކަމެއް. އަނެއްކޮޅުން މުޙައްމަދު ތި ބަލާ ފިލްމުތަކުން ވެސް….”
“ތީ ދޯ ބުނަން ތި އުޅޭ އެއްޗަކީ؟” މުޙައްމަދު ކުޑަކޮށް ހިތްހަމަނުޖެހޭގޮތް ވިއެވެ.
“ގޯސްކޮށް ނުވިސްނަބަލަ! ކުރީ ދުވަހު ފިހާރައިގައި އުޅޭ ކުއްޖަކު ދެއްކި ވާހަކައަކުން ވެސް މަ ވަރަށް ބިރުގަނޭ.”
އެ ވާހަކަ މުޙައްމަދަށް އިހުސާނާ ކިޔައިދިނެވެ. މުހައްމަދު ޖަހައިލީ ހިނިގަނޑެކެވެ. އޭނާ އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އެތައް ގޮތަކަށް ވާހަކަ ދައްކައިގެން ވެސް، އެހެން ތަނެއް ހިފާކަށް މުޙައްމަދު އެއްބަހެއް ނުވިއެވެ. އިއްވީ އެންމެފަހުގެ ނިޔާއެވެ. މުޙައްދުގެ ނިޔާއަކީ އިސްތިއުނާފު ނުކުރެވޭނެ ނިޔާއެއްކަން އިހުސާނާއަށް އެނގެއެވެ. ސުއާދުގެ އުމުރުން 15 އަހަރު ނުވަނީސް ދެ ކޮޓަރީގެ ތަނެއް އޭނާ ނުހިފާނެއެވެ.
މުހައްމަދުގެ މުރަނަކަމުން އޭނާއާއެކު ދިރިއުޅެން އިހުސާނާއަކަށް ފަސޭހައެއް ނޫނެވެ. އެހެންނަމަވެސް އެހެންގޮތެއް ނެތެވެ. ދަރިފުޅަށް ޓަކައި ވެސް އުޅޭން އެބަޖެހެއެވެ. ވަރިވެގެން ގޮސް ވަންނާނީ ވެސް ވަކިން ކޮންތާކަށް ހެއްޔެވެ؟ ދަންޏާ ދާން އޮތީ ރަށެވެ. އެހެން ހަދައިފި ނަމަ، ދަރިފުޅުގެ ކިޔެވުން ގެއްލުނީއެވެ. މަންމަގެ އުފަލަށް ޓަކައި ދަރިފުޅުގެ ކުރިމަގު ޤުރުބާންކުރާނެ މަޔަކަށް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ސުއާދުގެ އުމުރުން އެގާރަ އަހަރު ފުރިއްޖެއެވެ. ގުރޭޑު ހަތަރެއް ނިމުނީއެވެ. ﷲގެ ރަޙުމަތްފުޅުން ނަތީޖާ ވަރަށް ރަނގަޅެވެ. މުޅި ގުރޭޑުން 3 ވަނަ ލިބުނެވެ. ސުއާދު ވީ، މުދައްރިސުން ލޯބިވާ، ކުލާހުގައި ހަރަކާތްތެރި، ކިޔެވުމަށް މޮޅު ކުއްޖަކަށެވެ. މުހައްމަދުގެ ސަބަބުން އިހުސާނާގެ ހިތުގައި އުފެދޭ ޒަޚަމްތަކަށް ފަރުވާ ހޯދައިދެނީ، ސުއާދުގެ މި ފަދަ ކާމިޔާބީތަކެވެ.
ޑިސެންބަރު ޗުއްޓީއާ ދިމާކޮށް އަހަރީ ޗުއްޓީ ނަގައިގެން މުޙައްމަދު މާލެއައެވެ. އެއް މަސްދުވަހުގެ ޗުއްޓީއެވެ. އެހެންކަމުން ދެ މައިން ގޮވައިގެން ކޮންމެވެސް ތަނަކަށް ދާނޭކަމަށް އިހުސާނާ އުއްމީދުކުރިއެވެ. އެ އުއްމީދުގައި ފިހާރައިން ޗުއްޓީ ވެސް ހަމަޖެއްސިއެވެ. އެހެންނަމަވެސް މުހައްމަދުގެ ފިކުރަކު އެ ކަހަލަ ކަމަކަށް ޖާގައެއް ނެތެވެ. އެހެންކަމުން އިހުސާނާ ނިންމީ ޗުއްޓީ ނުނަގާށެވެ.
ސުއާދާއި މުހައްމަދު ގޭގައި ހުންނަ މަހަކަށްވުމުން، ފިހާރައިގެ ބޮޑުމީހާއާ ވާހަކަ ދައްކައިގެން، ރޭގަނޑު ފިހާރައަށް ދާގޮތަށް އިހުސާނާ ހަމަޖެއްސިއެވެ. ގޭތެރެއަށް ދަތިނުވާނީ އެ ގޮތަށް ހަދައިގެން ކަމަށް ވިސްނޭތީއެވެ. މުހައްދަށް ވެސް ބޮޑަށް ރަނގަޅުވީ އެގޮތެވެ.
އެއް ރެއެއްގެ ރޭގަނޑެވެ. ފިހާރަ ބަންދުކޮށްފައި އިހުސާނާއަށް ގެއަށް އާދެވުނީ އެގާރަގަޑި ފަނަރަ އެހައިކަންހައި އިރުއެވެ. ކޮންމެ ރެއަކު ވެސް އޭނާއަށް ގެއަށް އާދެވެނީ އެހައިކަންހައި އިރުއެވެ. އޭނާ ގެއަށް ވަންއިރު، ސިޓިންރޫމު ހުރީ ނިވާލާފައެވެ. އޭނާ ސިޓިން ރޫމް ދިއްލާލުމަށްފަހު ގޮސް، ކޮޓަރީ ދޮރު ހުޅުވާލިއެވެ. ކޮޓަރީގައި ހުރި ފަނޑު އަލީގެ ތެރެއިން، އިހުސާނާގެ ލޮލުގައި އަޅައިގަތީ ސުއާދެވެ. އެ މަންޖެ އިނީ، އެނދު ބިތްދޮށުގައި، ބިރުން ވިރިވިރިއެވެ.
“ދަރިފުޅާ! ކޮބާ ބައް….” ކޮޓަރީގެ ހޮޅިބުރި ދިއްލައިލަމުން، އިހުސާނާ ބުނަންފެށި ޖުމުލަ، ފުރިހަމަކުރެވޭ ވަރެއް ނުވިއެވެ. ރޮއިގެންފައި ސުއާދު އައިސް އިހުސާނާގެ ގައިގައި އޮޅުލައިގަތެވެ. އޭރު އެ މަންޖެ ވަނީ ދާހިއްލައި ފޯވެފައެވެ. މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. ނިދަން ލީ ހަރުވާޅު އޮތީ އެނދުމަތީގައި ގުޅަވެށިފައެވެ. ދަރިފުޅަށް ޖެހިފައިވާ ނިކަމެތި ހާލު ފެނިފައި، އިހުސާނާއަށް ވީ ގޮތް ވެސް ނޭނގުނެވެ. ވަރަށް ބޮޑު ގޯހެއް ހިނގައިފިކަން އޭނާގެ ހަވަނަ ހިއްސު ބުނެފިއެވެ.
“ކިހިނެއްވީ ދަރިފުޅާ! ކިހިނެއްވީ؟ ބުނެބަލަ!” ސުއާދުގެ ގައިގައި ހިފަހައްޓައި، ބާރަށް ތަޅުވައިގަންނަމުން، އިހުސާނާއަށް ހަޅޭއްލަވައިގަނެވުނެވެ.
“ބައްޕަ…” ތުރުތުރުއަޅަމުން ގިސްކަމުން ދިޔަ އަޑަކުން ސުއާދަށް ބުނެވުނީ އެ ވަރަށެވެ.
“ބައްޕަ ކީއްކުރީ؟” އިހުސާނާގެ އަޑު މަޑެއް ނުވެއެވެ.
“ބުނެ… ބިނެފިއްޔާ….. މަރައިލާނަމޯ….”
އިހުސާނާއަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. ސުއާދުގެ ގައިގައި ބާރަށް ބައްދައިގަންނަމުންނެވެ. އޭނާއަށް ހީވީ ދުނިޔެ އެކީ ކުދިކުދިވެގެން، އޭނާގެ ބޯމައްޗަށް ފައިބައިގަތްހެންނެވެ.
ޖެހިގެން އައި ދުވަހެވެ. އިހުސާނާއާއި ސުއާދު ތިބީ ކޮޓަރީގައެވެ. ސުއާދަށް އޮތީ ނިދިފައެވެ. ފަތިސްވި އިރު ވެސް އެ މަންޖެއަށް ނުނިދެއެވެ. ލޯ މެރިލާއިރަށް ސިހިފައި ހޭލެވެނީއެވެ. އިހުސާނާ އެތައް ގޮތަކަށް، އެތައް ވާހަކައެއް ދައްކައިގެން ވެސް ހަމައަކަށް ނޭޅުނެވެ. ނިދުނީ އިރުއެރިފަހުންނެވެ.
އިހުސާނާ އެ ރޭ އެންމެ ލޮލުފިޔައެއް ވެސް ނުޖަހައެވެ. ނިދި ނުވެސް އައީއެވެ. އަބަދު ރޮވެނިއެވެ. މުހައްމަދު އެ ފަދަ ނުބައި ފާޙިޝް އަމަލެއް ހިންގައިފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެ ނުބައި ޖަރީމާ ހިންގާފައި އޭނާ ދިޔަ ތަނެއް ވެސް ނޭނގެއެވެ. ހޯދާކަށް އިހުސާނާ ނުވެސް އުޅެއެވެ. އެ ކަހަލަ ނުބައި ނުލަފާ މީހުން ރަނގަޅުވާނީ ދުވަހަކު ވެސް ނައީވިއްޔާއެވެ.
އިހުސާނާގެ ބޮލުގެ ރިހުމަކަށް ލުޔެއް ނުލިބެއެވެ. އޭނާއަށް އޮވެވެނީ ވިސްނާށެވެ. ދަރިފުޅުގެ ހާލަތާމެދު ފިކުރުކުރާށެވެ. އެހެންއޮއްވާ ކުއްލިއަކަށް ދެ ލޮލުން ކަރުނަ އޮހިގަނެއެވެ.
މުހައްމަދު ގުޅީ އެދުވަހު އިރު އޮއްސުނުފަހުންނެވެ. ރިސޯޓު ފޯނުންނެވެ. ގުޅަނީ މުޙައްމަދުކަން އެނގޭތީ، ފޯނުނަގާކަށް އިހުސާނާ ބޭނުމެއް ނުވިއެވެ. ތިންވަނަ ފަހަރަށް ގުޅުމުން، ފޯނުނެގީ ބަވައިލާންވެގެންނެވެ. ފޯނު ހިފައިގެން އޭނާ ނިކުތީ ބޭރަށެވެ.
“ތީ ވަރަށް ގޮތްކުޑަ ނުލަފާ މީހެއް! އަނިޔާވެރިއެއް! ތީ އިންސާނެއް ވެސް ނޫން! ޖަނަވާރެއް! ޝައިޠާނެއް! މައެއް ދަރިއެއް ވަނިނުވާ އިބިލީހެއް!” ވަރަށް ގިނަ އެއްޗެހި ކިޔައިލަން އިހުސާނާ ބޭނުންވިއެވެ. އެހެންނަމަވެސް މާ ގިނަ އެއްޗެއް ނުކިޔުނެވެ. ރޮވިއްޖެއެވެ.
އިރުކަޅަކުން އިވުނީ މުޙައްމަދުގެ އަޑެވެ. ވަރަށް ދެރަވެފައި ހުރި، މަޑުމައިތިރި އަޑެކެވެ.
“ކިޔާ! ބޭނުން ވަރަކަށް އެއްޗެހި ކިޔާ!” މުޙައްމަދުގެ އަޑުގައި ހުރީ ތުރުތުރެއް އެކުލެވިފައެވެ. “ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް އަޑުއަހާނަން! އަހަންނަކީ ވަރަށް ބޮޑު ކުށްވެރިއެއް!”
ކުރެވުނުކުށަށް ތަކުރާރުކޮށް އިހުސާނާގެ ކިބައިން، މުޙައްމަދު މާފަށް އެދެމުން ދިޔައެވެ. ދެން ދުވަހަކު ވެސް އެ ފަދަ ކަމެއް ނުކުރާނޭކަމަށް ވަޢުދުވެ ހުވާކުރިއެވެ. އަދި އެއް ފުރުސަތު ދިނުމަށް އެދި އާދޭސްކުރިއެވެ. އެހެންނަމަވެސް އިހުސާނާއަކަށް އެކަމަކަށް އެއްބަހެއް ނުވެވުނެވެ.
ކުށް ކުރެވޭނީ އިންސާނުންނަށް ކަމަށް މުޙައްމަދު ބުންޏެވެ. ތިޔަ ގޮތަށް، ގޮތް ދޫނުކޮށް ވަރިވެގެން ދިޔައިމަ، ތިޔަ ދެމައިން ބަލާނީ ކާކުތޯ ސުއާލުކުރިއެވެ. ވަރިވެގެން ދިޔައިމަ، ނިކަމެތިވާނެވަރު ބުނެ، ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެކި ފަހަރުމަތިން އެތައް ވާހަކައެއް ދައްކައިގެން، އެންމެ ފަހުން ވަރިނުވާން އިހުސާނާ ނިންމިއެވެ. އަންނަ މަހު، ދެ ކޮޓަރީގެ އެޕަޓްމަންޓަކަށް ބަދަލުވާން ވެސް މުހައްމަދު އެއްބަސްވިއެވެ.
ރިސޯޓުގައި ހުރެފައި، އަނެއް މަހު މުޙައްމަދު މާލެއަށް އައެވެ. ސުއާދަށް މުހައްމަދު ފެނުމުން ގަތީ ބިރެވެ. އޭނާ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އިހުސާނާއަށް މި މަންޒަރު ފެނުނެވެ. އެއްޗެއް ނުބުނެއެވެ. މުޙައްމަދާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. ކުރެވޭ ކަންތަކުން ނިކުންނަ ނަތީޖާ ފެނޭހޭ އަހައިލި ކަހަލައެވެ.
ހިތްދަތި ގޮތަކަށް އެ އަހަރު ނިމި، އައު އަހަރު ފެށިއްޖެއެވެ. އެ މަހު ދެ ކޮޓަރީގެ އެޕާޓުމަންޓަކަށް އެ ޢާއިލާ ބަދަލުވެއްޖެއެވެ. އެއް ކޮޓަރި ސުއާދަށެވެ. ސުއާދުގެ ކޮޓަރި ވަރަށް ރަނގަޅަށް އިހުސާނާ ބެއްޔެވެ. ކުޑަދޮރުގެ ތަންޑު އެޅުވިއެވެ. ތަޅުލައިގެން އޮތުމަށް ހަނދާންކޮށްދިނެވެ. ދެ ވަނަ ތަޅުދަނޑި ފޮރުވިއެވެ. ހަމަ އެ މަހު، އައު އަހަރުގެ ކިޔެވުން ވެސް ފެށިއްޖެއެވެ.
މުޙައްމަދު މާލެއައިސް ހުރި ދުވަސްކޮޅު ކޮޓަރީގައި އެކަނި އޮންނަން ސުއާދު ބިރުން އުޅެންފަށައިފިއެވެ. އިހުސާނާގެ ބޮލުގައި ރިއްސައިލިއެވެ. ހީކުރެވުނީ އެންމެ ނުބައިކޮށެވެ. ގިނިދުށްމީހާ ރަތްމަލަށް ބިރުގަންނާނެއޭ މުސްކުޅިން ބުނެއެވެ. ޖެހިގެން އައި ރޭ، އިހުސާނާގެ ލޮލަކަށް ނިންޖެއް ނައެވެ.
ބާރަ ގަޑި ބައިވިތަނާ މުޙައްމަދު ތެދުވިއެވެ. ވަރަށް މަޑުންނެވެ. ސިއްރުސިއްރުން ގޮސް، ކޮޓަރިން ނިކުތެވެ. ދޮރުލެއްޕުމާއެކު އިހުސާނާ ފުންމައިގެން ތެދުވިއެވެ. ފޮރުވި ތަޅުދަނޑި އޮތްތޯ ބެލިއިރު ނެތެވެ. ތެޅިތެޅި އޮތް ހިތަކާއެކު އޭނާ ގޮސް، މަޑުމަޑުން ދޮރު ހުޅުވިއެވެ. އޭރު މުޙައްމަދު ގޮސް، ސުއާދުގެ ކޮޓަރީ ތަޅަށް ތަޅުދަނޑި ޖަހައި އަނބުރައިލަނީއެވެ. އިހުސާނާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. ނޭވާ ހުއްޓެން އުޅޭހެން ހީވެއެވެ. އޭނާއަށް ކެތްކޮށްލައިގެން ހުރެވުނީ، މުޙައްމަދު ކޮޓަރިއަށް ވަދެ ދޮރުލައްޕަންދެނެވެ. ނޭނގޭ ބާރަކުން، ދަރިފުޅުގެ ކޮޓަރިއާ ދިމާއަށް އޭނާ ގެންދިޔަ ކަހަލައެވެ. ގައިގައި ހުރި ބާރެއްލައިފައި ދޮރުފަތުގައި ތަޅައިގަނެވުނެވެ. ހަމަމިހާރު ދޮރު ހުޅުވާށޭ ކިޔައި ހަޅޭއްލަވައިގަތެވެ.
އިރުކޮޅަކުން މުހައްމަދު ނިކުތެވެ. ސުއާދު އެނދުމަތީގައި އިނެވެ. ބިރުން ފިތްކެނޑިފައެވެ. ދެ ލޮލުން ކަރުނަ އޮހޮރެއެވެ. މި ހިތްދަތި މަންޒަރު ފެނިފައި އިހުސާނާއަކަށް ނުހުރެވުނެވެ. މުހައްމަދުގެ ގައިގެ އެތައް މިތަނުގައި ގޮށްމުށުން ތަޅައިގަތެވެ. ރޮއި ހޭރިގަންނަމުންނެވެ.
“މިހިރަ މުޑުދާރު ގޮތްކުޑަ މީހާގަނޑާ! ހަމަ މިހާރު އަހަރެން ވަރިކުރޭ!” އިހުސާނާ ހުރީ ހަމައިން ނައްޓާފައެވެ.
ތަދުވިވަރުން މުޙައްމަދު ކުޅަނދުރަކަށް ވެއްޖެއެވެ. އެއްލި އަތުން އިހުސާނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. މޫނުމަތީގައި ގުށްޓެއް އެޅުމަށްފަހު، ދަމާކަހާފައި ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ.
“ވަރިއޭ ކިޔާފައި ތައްމިނަށް އަނގަހުޅުވާއިރު، ވަރިކުރީމަ ޖެހޭނެ ނިކަމެތި ހާލު އެނގޭތަ؟ އިހުސާނާއަށް ހީވަނީތަ އެއީ އިހުސާނާގެ އެކަނި ދަރިއެއް ކަމަށް؟ ބަލަ، އެއީ މަގޭ ވެސް ދަރިއެއް. މަ އޭނާއަކަށް އަނިޔާއެއް ނުކުރަން. ނުވެސް ކުރާނަން. ތިހެން ހަޅޭއްފަޅޭއް ޖަހައިގެން، މީހުންނަށް އެނގުނީމަ ވާނެ ގޮތް އެނގޭތަ؟ ފުލުހުން އައިސް މަ ހައްޔަރުކުރާނީ. މުޅި ރާއްޖެއަށް މި އަޑު ފެތުރި، ތި ދެ މައިން ފަޟީޙަތްވެ، ސުއާދު ވާނީ އަބުރުގެއްލިފައި ހުރި ކުއްޖަކަށް. ކަލެއަށް ކުރިމަތިލާން ޖެހޭނީ މީހުންގެ މަލާމާތާއި ފުރައްސާރައާ. ދެން ޖެހޭނީ އެ މަންޖެ އިސްކޫލުން ކަނޑާލައިގެން ގޮވައިގެން ރަށަށް ދާން! ރަށަށް ދިޔައިމަ ރަށު މީހުން ވެސް ކުރާނީ މަލާމާތް! ފުރައްސާރަ. ކެތްވާނެތަ؟ ބުނެބަލަ! ކެތްވާނެތަ؟ ނުވާނެ! އަމިއްލަ އަތުން ކަރަށް މަޅިއެއް މަހަންނޫޅެ. މިތާ މައިރިތިވެގެން އިނދެ ވިސްނަބަލަ!”
މުޙައްމަދުގެ ވާހަކަތައް އިވިފައި އިހުސާނާ ގަނޑުވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވެސް މަޑުޖެހިލިއެވެ. ނޭވާ ލެވުން ފިޔަވައި އެއްވެސް ހަރަކާތެއް އޭނާގެ ނެތެވެ. ސިކުނޑީގައި ވަނީ ހައިޖާނެވެ. އަހަންނާއި އަހަރެންގެ ދަރިފުޅަށް ހަމަ މި ނޫން ގޮތެއް ނެތީ ހެއްޔެވެ؟ މިއީ ކޮން ކަހަލަ ދުނިޔެއެއް ހެއްޔެވެ؟ އެ ވަރުގެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ދަރިފުޅު ދޫކޮށްލައިގެން ހުންނަންވީ ހެއްޔެވެ؟ އާއެކެވެ! މުޙައްމަދު ހައްޔަރުކޮށްފިއްޔާ، އަހަރެމެން ދެ މައިން ފަޟީޙަތްވާ މިންވަރު ކުޑައެއް ނުވާނެއެވެ. އެ މަންޖެ އިސްކޫލުން ކަނޑައިލާނެއެވެ. މި ތަނުގެ ކުލި ދައްކައިދޭނެ މީހަކު ނުވާނެއެވެ. ފުރައިގެން ރަށަށް ދިޔުމުން ރަށުން ވެސް ކުރިމަތިވާނީ ކެތްކުރަން ދަތި….
“ދެން އެ ކުއްޖާފުޅަށް ހަދާނެ ގޮތެއް ހަދަން ދޫކޮށްލައިގެން އޭނަ ހުރީ؟” ހަމީޒާގެ ވާހަކަ އަޑުއަހާފައި، ހާޝިމުގެ ދެ ލޯ ބޮޑުވިއެވެ.
“އާނ! އޭނަ ހުރީ ގޮތް ހުސްވެފަ. އެ ނޫން ގޮތެއް ނެތިފަ.” ހަމީޒާއާ ދިމާވީ، އެ ދެމައިން ހަތިޔާރު ބަހައްޓާފައި، ރޮއިރޮއި ތިބޭތާ ހަމަހެއްހައި ދުވަސް ފަހުންނެވެ.
“ސުބުޙާނަﷲ! ހެޔޮނުވާނެ!”
“މި ކަހަލަ ކަންކަމުގައި މީހުންގެ ހޭލުންތެރިކަން ކުޑަވީމަ ވާ ގޮތް މީ. އަހަރެން އޭނާއަށް ހުރިހައި އެއްޗެއް ކިޔައިދީފިން. މިހާރު އޭނާއަށް އެނގޭނެ ކަން ކުރަންވީ ގޮތް. އަދި ކުރީމަ ދެން ވާނެ ގޮތް ވެސް އެނގޭނެ! އެ ކަހަލަ ކަމެއް ހިނގަންފެށީމަ ނުޖެހޭނެ ސިއްރުކޮށްގެން ހުންނާކަން. ފަޟީޙަތްވާނީ ކުށްކުރާ މީހާ.” މި ވާހަކަ ދައްކާން ފެށުމާއެކު، ހަމީޒާގެ ރުޅި އަށްޑިހައަށް އެރިއެވެ. ލޭގެ ހިނގުން އަވަސްވިއެވެ.
ސުއާދު ރީތިކޮށްގެން އިހުސާނާ ގެއިން ނިކުމެ، ޓެކްސީއަކަށް އެރީ ފިސާރި ކެރިހުރެއެވެ. މަންޒިލަކީ ފުލުސް އޮފީހެވެ. ސުއާދުގެ ކުލާސް ޓީޗަރުގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހިތްވަރުން ހިތްވަރު ލިބިގެން، އޭނާ އެ ނައްޓާލީ އިންސާފުގެ ދަތުރަށެވެ. އޭނާގެ ފިޔަވަޅަށް ދެން ހުއްޓުމެއް ގެންނާނީ ލޯބިވާ ދަރިފުޅަށް އިންސާފު ހޯދައިދީފައެވެ.
ނިމުނީ
does erectile dysfunction get better
erectile mastery program
erectile stamina
best erectile dysfunction supplement
when does erectile dysfunction start
erectile nerve regeneration
I truly love your website.. Pleasant colors & theme. Did you make this web site yourself? Please reply back as I’m hoping to create my very own website and would like to know where you got this from or what the theme is called. Many thanks!|
What a stuff of un-ambiguity and preserveness of valuable familiarity on the topic of unpredicted feelings.|
Hi, of course this piece of writing is genuinely nice and I have learned lot of things from it concerning blogging. thanks.|
Its such as you read my mind! You seem to grasp a lot about this, like you wrote the e-book in it or something. I feel that you just can do with a few percent to pressure the message house a little bit, however other than that, this is fantastic blog. An excellent read. I’ll certainly be back.|
As the admin of this web page is working, no uncertainty very shortly it will be renowned, due to its feature contents.|