މެންދުރުފަހުގެ ވަގުތެވެ. މެންދުރުނަމާދު ކޮށްގެން ނިކުމެ، ތައުފީޤު އިނީ ސިޓިންރޫމުގައެވެ. ރޭޑިޔޯ ހުޅުވާލައިގެން، އިންތިޒާރެއްގައެވެ. އޭރު ރޭޑިޔޯއިން އަންނަނީ، ރަމަޟާންމަހު ޢާންމުކޮށް ފޮނުވާ ކުރުވާހަކަ މުބާރާތުގެ ވާހަކައެކެވެ. ވާހަކަ އަޑުއެހުމަކީ، ތައުފީޤު ކޮށްއުޅޭ ކަމެއް ނޫނެވެ. އެހެންނަމަވެސް މި އަހަރު އޭނާއަށް ވަރަށް ގިނަ ވާހަކަ ވަނީ އަޑުއިވިފައެވެ. ބައެއް ވާހަކަ ވަރަށް ރީތިވެގެން، އެ ވާހަކަ ދައްކައެވެ. ބައެއް ވާހަކަތައް ކަމުނުގޮސްގެން ވެސް ވާހަކަ ދައްކައެވެ. މިއަދު އަންނަ ވާހަކަ ވެސް ތައުފީޤަކަށް ކަމަކު ނުދެއެވެ. ފޫނުބެދުން ބޮޑީއެވެ. އެހެންވެ އޭނާއަކަށް އެއްޗެއް ނުބުނެއެއް ނީނދެވުނެވެ.
“މަދީހާ! މި ވެސް ވާހަކައެއް؟” ޒިންކު ކައިރީގައި ތެލި ދޮންނަން ހުރި މަދީހާއަށް ގޮވައިލާފައި ތައުފީޤު ބުންޏެވެ.
“އަޅެ ތައުފީޤަށް ކަމުދާ ވާހަކައެއް މި އަހަރު ފޮނުވައިފިތަ؟” ހިނިއައިސްފައި ހުރެ، ސަމާސާ ރާގަކަށް މަދީހާ ބުނެލިއެވެ.
“މިހެން ދޯ ދެން ބުނެވޭނީ. ކުރިން ކީ ސިތާރާ ގެއްލުނީއޭ. މިހާރު އެ ކިޔަނީ ފުރައިގެން ދިޔައީއޭ. ދެ ކޮޅެއް ނުޖެހެއްނު!”
“އަޑުއަހާބަލަ! ނިމޭއިރު އެނގޭނެ ވީ ގޮތް.” މަދީހާ އަދި ވެސް ހުރީ ހިނިއައިސްފައެވެ.
“ތިހެން ބުނީމަ ހީވަނީ މަދީހާ ލިޔެގެން އުޅޭ ވާހަކައެއްހެން.”
“މަ ނުލިޔުނަސް ކުރިން އަޑުއެހި ވާހަކައެކޭ ތީ.”
“ކޮންމެ އަހަރަކު އާ ވާހަކަ ތަކެއް ނޫންތަ ފޮނުވަނީ؟ މީ މުބާރާތެއްނު؟” މަދީހާ ބުނި އެއްޗަކުން ތައުފީޤުގެ ހިތުގައި ސުވާލު އުފެދުނެވެ.
“މި އަހަރު އެ ފޮނުވަނީ ކުރީ އަހަރުތަކުގައި ފޮނުވާފަ ހުރި ވާހަކަތައް. މި އަހަރު މުބާރާތެއް ނުބާއްވާ.”
“އެހެންތަ؟ ކޮވިޑާ ގުޅިގެން މި ކަމަށް ވެސް ބަދަލު އައީ ދޯ!” ތައުފީޤަށް އެނގުނީ ދެނެވެ. އެހައިތަނުން އެ މައުޟޫޢަށް ނިމުން އަތުވެއްޖެއެވެ. ރޭޑިޔޯއިން ފޮނުވަމުން ދިޔަ ވާހަކަ ވެސް އިރުކޮޅަކުން ނިމިއްޖެއެވެ. ތައުފީޤު ސޯފާގައި ހަމަޖެހިލިއެވެ.
ދޭއްގެ ޚަބަރު ފެށިތާ ކުޑައިރުކޮޅެއް ފަހުން، ތައުފިޤުގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ. ސޯފާކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް “ނޯޓު 10” ތައުފީޤު ނެގިއެވެ.
“އެއްކަލަ ޚުޝާމް މި އޮތް ގުޅަނީ.”
ޚުޝާމަކީ ތައުފީޤު ފަދައިން، މާލޭގައި ވިޔަފާރިކުރާ މީހެކެވެ. އޭނާގެ އަންނައުނު ވިއްކާ 2 ފިހާރައިގެ އިތުރުން، މި ދިޔަ އަހަރު ޗާނދަނީމަގުގައި ހުޅުވި މޯބައިލްފޯނު ވިއްކާ ފިހާރައެއް ހުރެއެވެ. ފުރަބަންދަށް ޤައުމު ނުދާއިރު، މި ދެ މީހުން ބައްދަލުވެ ވިޔަފާރީގެ މަޝްވަރާތައް ކޮށް އުޅެއެވެ. އެކުވެރިކަމުގެ ވާހަކަތައް ދައްކައެވެ. ފުރަބަންދުވި ފަހުން، ދޭތެރެދޭތެރެއިން އެކަކު އަނެކަކާ ގުޅައިލައި، ހާލުބަލައި ހަދައެވެ. ވިޔަފާރީގެ ތަފާތު ވާހަކަތައް ދައްކައެވެ.
“އައްސަލާމް ޢަލައިކުމް” ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން، ތައުފީޤު ބުނެލިއެވެ.
“ވަޢަލައިކުމް ސަލާމް! ކިހިނެއް ތައުފީޤު”
“އަލްޙަމްދުލިﷲ! ޚުޝާމް ކިހިނެއް؟”
“ގޯހެއް ނޫން! އެކަމަކު މަސައްކަތް ހުއްޓިފައި މި ހެން ތިބޭންޖެހުނީމާ ދެން ކޮން ރަނގަޅެއް ވާނީ ދޯ!” ޚުޝާމް އިޝާރާތްކުރީ ވިޔަފާރި އަށެވެ.
“ކަންބޮޑުނުވޭ! އެއްވެސް ކަމެއް ދެރަ ގޮތަކަށް މިންވަރެއް ނުކުރައްވާނެ! އެއީ އަހަރެންގެ އީމާނަކީ.” ތައުފީޤު ދެކޭގޮތް ހާމަކުރިއެވެ.
“ތީ އަހަރެންގެ ވެސް އީމާނަކީ. ލޮކްޑައުން އުވާލަން އުޅޭ ކަހަލަ އިޝާރާތެއް ރޭ މިނިސްޓަރ ދެއްވައިފި ދޯ!” ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ހެލްތު މިނިސްޓަރު ވިދާޅުވި އެއްޗަކަށް އަމާޒުކޮށް ޚުޝާމް ބުންޏެވެ.
“އެހެން ވިދާޅުވިޔަސް، އަދި ތިހެން ހަދާނޭހެނެއް ހިޔެއްނުވޭ.” ކޮވިޑުގެ ހާލަތަށް ބަލައި، ތައުފީޤަށް ފެންނަގޮތް ބުންޏެވެ.
“ކީއްވެ ތިހެން ތި ބުނީ؟”
“މިހެން މި ބުނީ، ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މިހާރު އިތުރުވަމުން އަންނާތީ. ކުރީގަވިއްޔާ ގިނައީ ބިދޭސީންތާ.”
“އެކަމަކު މިހާރު ޕޮޒޓިވް ކޭސްތަކުގެ ޖުމުލަ އަދަދު އަންނަނީ ދަށްވަމުން. ކުރީ ރޭ އަފުޒަލް ވިދާޅުވި، މިހާރު ކަނޑައަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ، އާންމުން އެ ކަމަށް ތައްޔާރުވެފައިވާ ވަރަށް ބަލާފަޔޯ. ކުރިން ލަފާކުރި ސާޖް އަތުވެއްޖެ ނަމަ ލޮކްޑައުން އިތުރުކުރަން ޖެހިދާނެއޭ ވެސް ވިދާޅުވި.” ޚުޝާމް ކިޔައިދިނެވެ.
“ސާޖް އަތުވެއްޖިއްޔާ ކިހާވަރެއް ވާނެ ކަމަށްތަ ލަފާކޮށްފަ އޮތީ؟”
“ކުރިން އޮތީ މި މަސް ނިމޭއިރު ހަ ހާސް މީހުންނަށް ބަލި ޖެހޭނެކަމަށް ބުނެފައެއްނު. އެކަމަކު އިރާދަކުރެއްވީތީ މަޑުމަޑުން ދަށަށްތާ މި ދަނީ.”
“މިހާރު އިތުރުކޮށްފަ އޮތް މުއްދަތު ހަމަވަނީ، މި މަހުގެ 28 އަށް ދޯ!”
“އާނ! އޭގެފަހުން އިތުރު ނުކޮށްފިއްޔާ ދެން ކިތަންމެހައި ވެސް ރަނގަޅު!”
“އަސްލުވެސް. އަބަދަކު މިހެނެއް ނުއެއް ތިބެވޭނެ! އަހަރެމެންނަށް ވެސް ހާދަ ގެއްލުމެކޭ ވަމުން މި ދަނީ. ކީކޭ؟”
“މި މަސް ވެސް މިހިރަ ދަނީ ނިމެން. މުސާރަތައް ދީ، ކުލިތަކާ އެއްޗެހި ވެސް ދައްކަން ޖެހޭނެ!” ޚުޝާމް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ލޮކްޑައުން އުވާލިޔަސް، ވިޔަފާރިތައް ހަމައަކަށް އެޅެން އަދި ދުވަސްތަކެއް ނަގާނެ!”
“މަ އެބަ ވިސްނަން މުވައްޒަފުން މަދުކޮށްފަ، މުސާރަތައް ކުޑަކުރަން! އެހެންނޫނީ ކިހިނެއް ދެކޮޅުޖައްސާނީ؟”
“ތި ހުންނަނީ ހާދަ ބޮޑެތި ކަންތަކޭ. ކިރިޔާ ވެސް ވާން އޮތިއްޔާ އަހަރެން ބަލާނަން ތި ކަހަލަ ފިޔަވަޅެއް ނާޅާވޭތޯ. ފިޒާލުގެ ވިސްނުން ވެސް ހުރީ މިކަހަލަ ގޮތަކަށް.”
“ތައުފީޤުމެންނަށް ފައިސާ ލިބޭނެ އެހެން ކޮޅުތައް ވެސް އެބަ ހުރިތާ!” ޚުޝާމް އެ އިޝާރާތްކުރީ، ތައުފީޤުމެންގެ ގެއިން ކުއްޔަށް ދީފައި ހުރި ތަންތަނަށެވެ.
“މިހާރު ދުބާއީގައި ތާށިވެފައި ހުރި ޝިޕްމަންޓްގެ ކަންތައް ހަމަޖެހިއްޖެތަ؟” ޚުޝާމްގެ އެ ވާހަކައަށް އެއްޗެއް ބުނާކަށް ތައުފީޤު ބޭނުމެއް ނުވިއެވެ. އެހެންވެ މައުޟޫޢު ބަދަލުކޮށްލިއެވެ.
“އަދި އެކަން ވާގޮތެއް ނުވޭ! އެ ކޮޅުގަ ހުރި އެޖެންޓް ބުނަނީ، ދެން މާ ގިނަ ދުވަހެއް ނުވާނެޔޯ. މި ކޮޅުން ލޮކްޑައުން އުވާލަންވާއިރަށް ލިބެނިކޮށް ރަނގަޅުވާނެ! ހަލާކުވާ ކަހަލަ އެއްޗިއްސެއް ނުހުންނާނެވިއްޔަ.”
ތައުފީޤާއި ޚުޝާމް ތަފާތު އެކިއެކި ވާހަކަތަކުގައި އެތައް އިރަކު ތިއްބެވެ. ވިޔަފާރީގެ ވާހަކައެވެ. ގައުމުގެ ހާލަތުގެ ވާހަކައެވެ. ކޮންމެވެސް ވަރަކަށް ސިޔާސީ ވާހަކަ ވެސް އޭގެ ތެރޭގައި ދިޔައެވެ. ގިނައިން ދެކެވުނީ ކޮވިޑާގުޅިގެން ކަންކަން ހިނގަމުން ދާ ގޮތުގެ ވާހަކަތަކެވެ. ކެނެޑާ ސަރުކާރުން ރާއްޖެއަށް އެއް މިލިޔަން ރުފިޔާގެ ދީލަތި އެހީއެއް ދިން ވާހަކައާއި، ބަނގުލަދޭޝްގެ ސަރުކާރުން 10 ޓަނުގެ ކާނާއާއި މެޑިކަލް ސާމާނު ހަދިޔާކުރި ވާހަކައާއި، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސަރުކާރުން ހެދި ފެސިލިޓީ ނިންމާފައި، ދިވެހި ސަރުކާރާ ހަވާލުކުރި ވާހަކައާއި، މި ފަދަ އެތައް މައުޟޫޢަކަށް ވާހަކަތައް ދެމިގެން ދިޔައެވެ. ފޯނުކޯލު ކުރުކޮށްލީ، ސިޔަރަތު ފަށާ ގަޑި ޖެހުމުންނެވެ.
އޭރު ފިޒާލު އޮތީ ކޮޓަރީގައެވެ. އޭނާގެ ސިކުނޑިއަށް މިއަދު މާ ބޮޑަށް އެބަ އުނދަގޫ ކުރެއެވެ. ނަދާގެ ހަނދާންތަކެއް ނޫނެވެ. މުޅިން އެހެން ފިކުރެކެވެ. އަހުސަނު ކުރީ ދުވަހު ގުޅާފައި ދެއްކި ވާހަކަތަކާ ގުޅިގެން، އޭނާގެ ހިތް އެހެންގޮތަކަށް ބުނާން ފަށައިފިއެވެ. ހިތް ބުނަނީ، އެއީ އަހުސަނުގެ އަމިއްލަ ފިކުރުން ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ. ކޮންމެވެސް މީހެއްގެ ވިސްނުން ފިޒާލާ ހަމައަށް ފޯރުކޮށްދިނުމަށް ޓަކައި، އަހުސަނު މެދުވެރިކުރުވީ ކަމަށެވެ. އެ ފަދަ ކަމެއް ކުރަންޏާ ކުރާނީ ޢާއިލާގެ ތެރެއިންނެވެ. މަންމައެވެ. ނޫނީ ބައްޕައެވެ. ކޮއްކޮ ވެސް ކޮށްފާނެއެވެ.
ފިޒާލު ގަސްތުކުރީ އަހުސަނަށް ގުޅާށެވެ. އެއީ ކިހިނެއް ދެކެވުނު ވާހަކައެއްކަން އޮޅުންފިލުވާށެވެ. އެ ވިސްނުމުގައި އޭނާ ވަގުތުން ފޯނު ނެގިއެވެ. ފަރިތަކަމާއެކު އަހުސަނުގެ ނަންބަރަށް ގުޅައިލިއެވެ. ގިނައިރުތަކެއް ނުވެ، އަހުސަނު ފޯނު ނެގިއެވެ. މިއަދު ނަބީގެ ހާލު މާ ރަނގަޅު ދުވަހަކަށް ނުވާތީ، އަހުސަނު އުޅެނީ ބަދިގޭގައެވެ. ރޯދަވީއްލަންވާއިރަށް އެއްޗެއް ތައްޔާރުކޮލުމުގައެވެ.
“ހާދަ ނުގަޑިއެއްގަ. ކިހިނެއްވީ؟”
“ވަރަށް މުހިންމު ކަމަކު މި ގުޅާލީ. ކޮބާ ނަބީ؟”
“މިއަދު މާ ބޮޑަށް ވަރުބަލިވާ ދުވަހެއް. ތެދުވެވޭވަރު ނުވާތީ އެބަ އޮތް؟”
މާ ގިނަ ވާހަކަ ދައްކާކަށް ފިޒާލް ނުހަދައެވެ. އޭނާ ސީދާ މައުޟޫޢަށް ވަނެވެ. އެއީ ކިހިނެއް ދެކެވުނު ވާހަކައެއްތޯ ސުވާލުކުރިއެވެ. ދެކެވުނު ވާހަކަތަކުން ފިޒާލުގެ ހިތަށް ވަރަށް ފުން އަސަރެއް ކޮށްފިއެވެ. އޭނާގެ ހާލަތާމެދު އާއިލާ ކަންބޮޑުވާ މިންވަރު އިހުސާސްކުރެވިފައެވެ. ޚާއްޞަކޮށް މަންމަ އެކަމާ ހިތާމަކުރާކަން އެނގުމުން ހިތުގައި ރިހުން އުފެދުނެވެ. އެހެންކަމުން އެ ފޯނުކޯލަށްފަހު، އެކަމާމެދު ވިސްނާން ފިޒާލަށް އޮވެވުނެވެ.
ފިޒާލުގެ ހިތް ވަނީ މަންމައަށް ޓަކައި ހަމްދަރުދީން ފުރިފައެވެ. އަހުސަނުގާތު އެ ފަދަ ކަމަކު މަންމަ އެދޭނީ ވަރަށް ބޮޑަށް ކަންބޮޑުވީމައެވެ. އެހެންގޮތެއް ނެތުނީމައެވެ. އެހެންކަމުން މަންމަގެ ހިތަށް ލުޔެއް ހޯދައިދިނުމަށް ޓަކައި ނަމަވެސް، އޭނާގެ ވިސްނުމާއި ފިކުރަށް ބަދަލެއް ގެންނާން އެބަ ޖެހެއެވެ. އުފާވެރި މޫނެއް ދައްކާން އެބަ ޖެހެއެވެ. ނަދާއަކީ ހުވަފެނެއްކަމަށް ނިންމުން ނޫން ގޮތެއް އަދި އޭނާގެ ސިކުނޑިއަކަށް ނާދެއެވެ. އެކަމަކު އެ ގޮތަށް އެކަން ވެދާނެ ބާވައެވެ؟
އިރުކޮޅު ވިސްނާން އޮވެފައި މަޑުމަޑުން ފިޒާލު ތެދުވިއެވެ. ދެ ލޯ ފޮހެލަމުން، ކޮޓަރިން ނިކުތުމަށް ޓަކައި ހިނގައިގަތެވެ.
ފިޒާލް ކޮޓަރިން ނިކުތްއިރު، މަދީހާ އުޅެނީ ބަދިގޭގައެވެ. ތައުފީޤު އިނީ ސިޔަރަތު އަޑުއަހަން ސޯފާގައެވެ. އާދައިގެ ހިނގުމެއްގައި ފިޒާލު ގޮސް ވަނީ ބަދިގެއަށެވެ. އޭރު މަދީހާ ހުރީ، މިކުސަރުން އެއްޗެއް މުގުރަން ތައްޔާރުކޮށްގެނެވެ. ތައުފީޤު ސިޔަރަތު އަޑުއަހަން އިނުމުން، އުނދަގޫވެދާނެތީ ނުޖައްސާށެވެ. މަދީހާއަކީ ފިރިމީހާއަށް އިހުތިރާމްކުރުމުގައި ނަމޫނާ އަންހެނެކެވެ.
“މަންމަ އެކަނިތަ؟ ކޮބާ ކޮއްކޮ.” ފިޒާލު އައިސް ބަދިގެއަށް ވަދެ، މަންމައާ ދިމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އޭނާ ބޭނުންވީ، އޭނާގެ މޫނުމަތިން މަންމައަށް އުފާވެރިކަން ދައްކާށެވެ.
“ކޮއްކޮ އިނީ ކުލާހުގަ. އަދި ނުނިމޭ.”
“ކޮން ކުލާހެއް؟ މިހާރު ޓިޔުޝަނެއް ނުނަގައެއްނު!” ފިޒާލަށް އަވަސްއަވަހަށް އަހައިލެވުނެވެ.
“އޮންލައިން ކުލާހުގަ.”
“އަނެއްކާ ވެސް އޮންލައިން ކުލާސްތައް ފެށީތަ؟”
“އާނ! މިއަދަށް މީ ހަތަރުވަނަ ދުވަސް. ދަރިފުޅަކަށް ނޭނގޭތަ؟” ފިޒާލަށް މިހާރު ގޭތެރޭގައި ހިނގާ ކަންކަން ވެސް ނޭނގޭ މިންވަރު، މަދީހާއަށް ވަޒަންކޮށްލެވުނެވެ. މީގެ ކުރީން ގޭގެ ކަންކަން ހަމަޖެއްސުމުގައި، އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ފިޒާލެވެ. ފިޒާލަށް ނޭނގޭ އެއްވެސްކަމެއް، ގޭތެރޭގައި ނުހިނގާނެއެވެ. އެކަމަކު މިއަދު އެއާ މުޅިން ތަފާތެވެ. އޭނާއަށް އެނގޭކަމެއް ގޭތެރެއަކު ނުހިނގައެވެ.
“އެކަމަކު ކޮއްކޮ ނުވެސް ބުނޭ ތި ކަހަލަ ވާހަކައެއް. މަންމަ ބޭނުންތަ ހެލްޕެއް؟” ކުރީގެ ދިރިއުޅުމަށް ވަންނަން ފިޒާލު މަސައްކަތްފެށި ކަހަލައެވެ.
“އާނ! މިހިރަ ކުކުޅުކޮޅު ކޮށާލަންވީނު!” ތެލީ ތެރޭގައި ފިނިކަނޑުވަން ބަހައްޓާފައި ހުރި ކުކުޅަށް އިޝާރާތްކޮށް މަދީހާ ބުންޏެވެ.
ފިކުރުގެ ދާނެއްގައި އަބަދާއި އަބަދު ފިޒާލު ބާއްވާކަށް، މަދީހާ ވެސް ބޭނުމެއް ނޫނެވެ. އޭނާ މިހާރު ބޭނުންވަނީ ގޭތެރޭގެ ކަންކަމުގައި ވީހައިވެސް ގިނައިން ފިޒާލު ބައިވެރިކުރާށެވެ. އެ ފިކުރުތަކާއި ޚިޔާލުތަކުގެ އަނދިރި ދުނިޔެއިން، އެންމެ ފަސޭހައިން އޭނާ ނެރެވޭނީ، އެ ކަހަލަ ގޮތަކުން ކަމަށް ހިތް ބުނާން ފެށީ، އަހުސަނު ގުޅާފައި ދެއްކި ވާހަކަތަކަށް ފަހުގައެވެ. އަހުސަނު ދެއްކި އެއްވެސް ވާހަކައަކަށް ފިޒާލު އެއްބަސް ނުވިކަން އެނގުމުންނެވެ.
ތަރާވީސްދަމުގެ ވަގުތެވެ. ފަޒުލާ ފިޔަވައި ގޭގެ އެންމެން ތިބީ، ތަރާވީސްނަމާދުގެ އަޅުކަމުގައި މަޝްޣޫލުވެގެންނެވެ. މި ދުވަސްކޮޅަކީ ފަޒުލާ އަޅުކަމުން އެއް ފަރާތްވެލައިގެން އުޅޭ ދުވަސްކޮޅަކަށްވާތީ، އޭނާ އިނީ ކޮޓަރީގައެވެ. ކުރިމަތީގައި ހުރީ ފޮތްތަކެވެ. ކިޔެވުމާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، މިހާރު ވަނީ ކިޔެވުމުގައި ވަރަށް ބުރަވެފައެވެ. ސްކޫލު މަސައްކަތްތަކުގެ އިތުރުން، ޅެންކޯހުގެ މަސައްކަތް ވެސް އެބަ ހުއްޓެވެ.
ފިލާވަޅުގެ މަސައްކަތުގައި އިނދެއިނދެފައި ނުވައެއް ޖެހުމުން، ބިޝާރާއަށް އޭނާ ގުޅައިލިއެވެ. އޭރު ބިޝާރާ އުޅުނީ ތަރާވީސް ނަމާދަށްފަހު، ބަދިގޭގައި މަންމައަށް އެހީތެރިވެދިނުމުގައެވެ. އެހެންނަމަވެސް ފަޒުލާ ގުޅުމުން ފޯނު ނަގައިގެން އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
“ކާން އުޅެނިކޮށް ތި ގުޅީ.”
“ނުބައި ގަޑިއެއްގަ ދޯ!”
“ނޫނޭ! ރަނގަޅުވާނެ! ކޮބާ މިހާރު ފިލާވަޅުތައް ނިންމާލީތަ؟” ބިޝާރާ ގޮސް ކޮޓަރިއަށް ވަދެ، ދޮރުލެއްޕިއެވެ.
“ނުނިމޭ! ހާދަ ބައިވަރު ފިލާވަޅުތަކެކޭ އެ ހުރީ. ބިޝާ ނިންމީތަ؟”
“ދިވެހި ފިލާވަޅު އެކަނި ނުނިމި އޮންނާނީ. އިޢުލާން ލިޔަން މަށަށް ވަރަށް އުނދަގޫ.”
“މަ ލިޔެފިން އެނގޭ ގޮތަކަށް. ޅެން ނިންމާލީތަ؟”
“ނުނިމޭ! ފަށާފަ އޮންނާނީ. މި ރޭ ނަޝާތު ގުޅީމަ އޭނަގެ އައިޑިއަރއެއް ހޯދާލަން ބާއްވާފަ އޮންނާނީ.”
“ނަޝާތު ގުޅީމައޭ؟ ތީ އަނެއްކާ ކަމެއްތަ؟” އަވަސްއަވަހަށް ފަޒުލާއަށް އަހައިލެވުނެވެ.
“ހާދަ މަޖާ ސުވާލެއް!” ބިޝާރާ ގާތަށް ހިނިއައެވެ.
“ތި ދެ މީހުން މަށަށް އަންގާ ވެސް ނުލައި، ގަނޑެއް ގަންނަނީ ދޯ!” ފަޒުލާ ގާތަކަށް ހިންޏެއް ނައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ. އެއީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ބިޝާރާ އެހެން ފިރިހެނަކާ ގުޅޭކަށް، ފަޒުލާ މިހާރު ބޭނުމެއް ނުވެއެވެ. ދޮންބެ ނޫން މީހަކަށް ބިޝާރާ ލިބޭކަށް އޭނާ ނޭދެއެވެ. ބިޝާރާ ވެސް ބޭނުންވާ ގޮތަކީ އެއީކަން އޭނާއަށް އެނގެއެވެ.
“ފަޒޫއަށް ނާންގާ އެ ވަރުގެ ކަމެއް މަ ކޮށްފާނެހެން ހީވޭތަ؟” ބިޝާރާކުރީ ސުވާލެކެވެ. އެ ސުވާލަކީ، ފަޒުލާގެ ހިތަށް ފިނިކަން ލިއްބައިދިން ސުވާލެއް ވެސް މެއެވެ.
“މަށަށް ޔަގީން ނުކުރާނެކަން.” ޔަގީންކަމާއެކު ފަޒުލާ ބުންޏެވެ. “ބިޝާ! ދޮންބެއަށް ޓަކައި މަޑުކޮށްދެއްޗޭ!” ފަޒުލާގެ އަޑުގައި ހުރީ އާދޭހުގެ ކުލަ ޖެހިފައެވެ.
“ހަމަ ވަރަށް ތެދަށް ފަޒޫގާތު ވާހަކައެއް ބުނަންތަ؟ އަހަންނަށް މިހާރު މި ހުރެވެނީ، ހަތަރު އަނގޮޅިއެއްގެ މެދުގަ. ހިނގައިގަންނާނެ ދިމާއެއް ނޭގިފަ.”
“އަހަރެން ބުނާ މަގުން ކުރިއަށް ދާނީ.”
“ހިތް އެނދޭ ގޮތަކީ ތީ.”
“އެކުވެރިޔާ އެދޭ ގޮތަކީ ވެސް މީ. މަންމަ މިހާރު އެބަ އުޅޭ ދޮންބެގެ ގާތުގައި ބިޝާގެ ވާހަކަ ދައްކަން. މަންމަ ބުނީމަ ދޮންބެއަކަށް ނުކެރޭނެ ނޫނެކޭ ބުނާކަށް!”
“އެކަމަކު މަންމައަކަށް ވެސް، ހިތެއް ބަދަލެއް ނުކުރެވޭނެ ދޯ!”
“އާނ! ހިތެއް ބަދަލެއް ނުކުރެވޭނެ! އެކަމަކު ވާހަކަ ދެއްކިދާނެތާ!” ތައުފީޤާއި މަދީހާ ތިބީ ކޮޓަރީގައެވެ. ދެމަފިރިންގެ މައުޟޫޢަކީ ފިޒާލެވެ.
“މަށަށް ފެންނަނީ ނަދާ ފެނޭތޯ ބަލަންވީހެން. ކޮން ރަށެއްގެ ކުއްޖެއްކަން އެނގެނިކޮށް މަށަށް އެކަމާ އުޅެވިދާނެ!”
“ކޮން ރަށެއްގެ ކުއްޖެއްކަމެއް ވެސް ނޭނގުނޭ! ދެން އެ ވާހަކަ ބާއްވާ! ބިޝާރާއަކީ ހުރިހައި ގޮތަކުން ވެސް ވަރަށް ރަނގަޅު ކުއްޖެއް. ގޮތްފޮތް ހުރި ކުއްޖެއް.”
“އެއީ އަދި ކިޔަވާކުއްޖެއްނު! އޭނަ ސްކޫލު ނިމެންދެން ފިޒާލަށް ޖެހޭނީ މަޑުކުރަންތާ!” ތައުފީޤު ބޭނުންވަނީ، މާދަމާ ވެސް ފިޒާލުގެ ކައިވެނި ވެވޭށެވެ.
“އަންނަ އަހަރު ނިމޭނެ! ކޮވިޑުގެ ކަންކަން ހަމައަކަށް އެޅޭއިރު އޮންނާނީ ކައިވެނި ކުރެވޭވަރުވެފަ.” މަދީހާ ގޮތް ނިންމިއެވެ.
ނުނިމޭ
އަންނަ ހޮނިހިރުދުވަހަށް އިންތިޒާރުކޮށްލައްވާ!
This article is truly a pleasant one it helps new web users, who are wishing in favor of blogging. Dusty Murvyn Sabu