ކޮރޯނާ ވައިރަސްބަލި 2019 ނުވަތަ ކޯވިޑް-19

ނޮވެލް ކޮރޯނާ ވައިރަހަކީ މީގެކުރިން އިންސާނުންގެ ހަށިގަނޑުން ފެނިފައިނުވާ، ކޮރޯނާވައިރަސްގެ ޢާއިލާއަށް ނިސްބަތްވާ އައު ބާވަތެއްގެ ވައިރަހެކެވެ. ނިމިގެން ދިޔަ 2019 ވަނަ އަހަރު ޑިސެންބަރުމަހުގެ ތެރޭގައި، ޗައިނާގެ ވޫހާންސިޓީއިން ފެނިފައިވާ މި ވައިރަހުން ޖެހޭ ބައްޔަށް މިހާރު ކިޔަނީ ކޮރޯނާ ވައިރަސް ބަލި 2019 )ކޯވިޑް-19) އެވެ. ކުރިން މިބައްޔަށް ކިޔަމުން އައީ “ނޮވެލް ކޮރޯނާ ވައިރަސް-2019” ނުވަތަ “އެންކޮވް-2019” އެވެ. ކޯވިޑް-19 ވައިރަހަކީ، ސާރސް ރޯގާ (ސީވިއާރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް) އާއި ބައެއް ކަހަލަ ޢާންމު ރޯގާތަކުގެ ޢާއިލާއަށް ނިސްބަތްވާ އެހެންނަމަވެސް ދުނިޔެއަށް މުޅިން އައު ވައިރަހެކެވެ. ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިހާރުވަނީ، ކޯވިޑް-19 އަކީ މުޅި ދުނިޔެ ނުރައްކަލަކަށް ހުށަހަޅާފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންނަމަވެސް މި ގޮތަށް ކަނޑައަޅާފައި މި ވަނީ، މި ވައިރަހުގެ ނުރައްކާތެރިކަން ކުރިއަށްވުރެ ބޮޑުވެގެންނެއް ނޫނެވެ. މިބަލި މުޅި ދުނިޔެއަށް ފެތުރި އެތައް ބަޔަކު މި ބަލީގެ ޝިކާރައަކަށް ވަމުންދާކަން އެންގުމަށެވެ.

ކޯވިޑް-19 ވައިރަހަކީ ވަރަށް ފަސޭހައިން ފެތުރެމުން އަންނަ ވައިރަހެކެވެ. މި ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ނޭވާލުމާއި ވާހަކަދެއްކުމުގެ ތެރޭގައި، ނުވަތަ ކެއްސައި ކިނބިހި އެޅުން ފަދަ ކަންކަމުގެ ތެރެއިން ބޭރުވާ ކުޅު ތިއްކެއް އެހެން މީހެއްގެ ހަށިގަނޑަށް ވާޞިލުވުމުންނެވެ. ވައިރަސް ހަރުލާފައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި އަތްލެވިއްޖެ ނަމަ، އެކަމުގެ ސަބަބުން ވެސް މި ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. ސަބަބަކީ އަތުގައި ވައިރަސް ހަރުލާފައި ހުއްޓާ، ލޮލުގައި ނުވަތަ ނޭފަތުގައި ނުވަތަ އަނގައިގައި އަތްޖެހި އެކަމުގެ ސަބަބުން ހަށިގަނޑުގެ ތެތެރެއަށް ވައިރަސް ވަނުމުގެ ފުރުސަތު ފަހިވާތީއެވެ. ތަންތަނާއި ތަކެތީގައި އަތް ނުލުމަށާއި ގިނަގިނައިން އަތް ދޮވެ ސާފުކުރަން ޑޮކްޓަރުންނާއި ސިއްޙީ މާހިރުން ލަފާދެއްވާ ސަބަބަކީ މިއެވެ. ކޯވިޑް-19 ވައިރަހަކީ، ތަންތަނުގައި އެތައް އިރަކު ހަރުލާފައި ހުންނަ ވައިރަހެކެވެ.

ކޯވިޑް-19 ގެ ބައްޔަށް ވަކި ޚާއްޞަ ތަފާތު ޢަލާމާތަކެއް ނުހުރެއެވެ. މި ބަލި ޖެހުމުން ޢާންމުގޮތެއްގައި ފެންނާނީ އިންފްލުއެންޒާ ނުވަތަ އާދައިގެ އަރިދަފުސް ރޯގާގެ ޢަލާމާތްތައް ފަދަ ޢަލާމާތްތަކެވެ. އޭގެތެރޭގައި ކެއްސުމާއި ކިނިބިހި އެޅުމާއި ހުންއައުމާއި ގައިގައި ރިހުމާއި ނޭވާ ކުރުވުން ފަދަ ކަންކަން ހިމެނެއެވެ. އެހެންނަމަވެސް މިއީ މި ބަލިޖެހޭ ކޮންމެ މީހެއްގެ ކިބައިން ފެންނާނެ ޢަލާމާތަކެއް ނޫނެވެ. ބައެއް މީހުންގެ ހަށިގަނޑަށް މި ވައިރަސް ވާސިލުވި ނަމަވެސް، އެއްވެސް ޢަލާމާތެއް ނުފެނި މީހާ ގަދަ ވެސް ވެއެވެ. ހަމައެއާއެކު ބައެއް މީހުން ވަރަށް ނުރައްކާތެރި ހާލަތަކަށް ވެސް ގެންދެއެވެ. މި ގޮތަށް ދިމާވަނީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުނަށާއި އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށެވެ. ސަބަބަކީ މި ވައިރަސް ހަށިގަނޑަށް ވަދެ، ފުއްޕާމޭގައި ޖަގަހަ ހަދައި، ފުއްޕާމޭ ކާންފެށުމާއެކު ނިއުމޯނިއާ ޖެހުމުގެ މަގު ފަހިވެގެން ދިޔުމެވެ. މި ފަދަ ހާލަތްތަކުގައި، ފުރާނައަށް ނުރައްކާވާ ދަރަޖައަކަށް ވެސް ބަލިމީހާ ގެންދެއެވެ.

ކޯވިޑް-19  އިން ރައްކާތެރިވުމަށް ޓަކައި އެޅެންހުރި ފިޔަވަޅުތަކާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ގޮތުން އެޅިދާނެ އެންމެ މުހިންމު ފިޔަވަޅަނީ ސައިބޯނި ލައިގެން ނުވަތަ އަލްކަހޯލް ހިމެނޭ ސެނިޓައިޒަރ އެއް ބޭނުންކޮށްގެން، ގިނަގިނައިން އަތް ދޮވެ ސާފުކުރުމެވެ. މީގެއިތުރުން ކެއްސައި، ކިނބިހި އަޅާހަދާއިރު އަނގައާއި ނޭފަތް، ޓިޝޫއެއް ފަދަ އެއްޗަކުން ނިވާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ބޭނުންކުރާ ޓިޝޫ ރައްކާތެރިކަމާއެކު އަވަހަށް ނައްތާލުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ޓިޝޫއެއް ފަދަ އެއްޗެއް ނެތް ހާލަތެއް ނަމަ ކެއްސާ ކިނބިހި އަޅާއިރު އަތުގެ އުޅަނބޮށިން އަނގައާއި ނޭފަތް ނިވާކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މީގެއިތުރުން އިޖުތިމާޢީ ގައިދުރުކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ބަހައްޓަން ވާނެއެވެ. ޚާޢްޞަކޮށް އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހަކާ ކައިރިވުމަކީ ކޮންގެންވާނެކަމެއް ނޫނެވެ. ހުންއައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، ވީ އެންމެ އަވަހަކަށް ޞިއްޙީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.

މައުލޫމާތު ނެގީ: https://www.unicef.org/maldives/media/1651/file

Be the first to comment

ޚިޔާލު