ފުރަބަންދު (17)

“ކައިވެންޏޭ؟ ކިހައި ދެރަ ކަމެއް ނީނާ!” ނަދާގެ އަޑު ބާރުވިއެވެ. “އެކަނިމައި އެކަނި ޖަލެއް ކަހަލަ ތަނެއްގައި ހައްޔަރުވެގެން އިންދާ އެކުވެރިއަކު އައިސް ދައްކަން އެންމެ ރަނގަޅު ވާހަކައަކީ ތިޔައީތަ؟’

“ނަދާ! މީ މަ ދައްކާ ވާހަކައެއް ނޫނޭ!” ނީނާ ވަރަށް ކަންބޮޑުވިއެވެ.

“ހެޔޮ ކޮންމެ މީހަކު ދެއްކިޔަސް! މަށެއް ތި ކަމެއް ނުކުރާނަން! ދުވަހަކު މީހަކާ ނީނދެ ހުންނާން ޖެހުނަސް، އޭނާއަކާ ނީންނާނަން!” ރުޅިއައި ވަރުން ގޮސް ނަދާއަށް ރޮވިއްޖެއެވެ.

“ހަމަޖެހިބަލަ ނަދާ! ފުރަތަމަ، މަ ދައްކާ ވާހަކަ އަޑުއަހާބަލަ!” ނީނާ މަސައްކަތްކުރީ ނަދާ ހަމައަކަށް އެޅުވޭތޯއެވެ. ނަދާގެ ރުޅި މަޑުކުރެވޭތޯއެވެ. ނީނާ ގުޅާފައި އެ ވާހަކަ ފެށީ ވެސް ނަދާ ރުޅި އަންނާނޭކަން އެނގިހުރެއެވެ.

“ނޫޅެން އަޑުއަހާކަށް! ތި ވާހަކަ ދައްކަން އެކަކު ވެސް މަށަށް ގުޅައިގެން ނުވާނެ! ނީނާ ވެސް ނުގުޅާތި!” ނަދާ ފޯނު ކަނޑައިލިއެވެ.

ނީނާ ވަގުތުން ގުޅަން ފެށިއެވެ. ފަސް ހަ ފަހަރު ގުޅުމުން ވެސް، ނަދާ ފޯނެއް ނުނެގިއެވެ. ނީނާ ކަންބޮޑުވެއްޖެއެވެ. ނަދާ އެކަނިމައި އެކަނި ހުރެ، ރޯނެވަރު އިހުސާސްކުރެވިފައި ވަރަށް ދެރަވެއްޖެއެވެ. އެ ވާހަކަ ނުދެއްނު ނަމައޭ ހިތަށް އަރާންފެށިއެވެ. އެއީ އޭނާ ދައްކަން ބޭނުންވެގެން ދެއްކި ވާހަކައެއް ނޫނެވެ. ފާޑަކަށް މަޖުބޫރުވެގެން ދެއްކި ވާހަކައެކެވެ. ހާޖަރާއްތަ ކިޔާވަރުން ނޫނެކޭ ބުނާން ނުކެރިގެން ދެއްކުނު ވާހަކައެކެވެ. އެ ވާހަކަ ދެއްކުމުން ނަދާ ރުޅިއަންނާނެކަން ނީނާއަށް އެނގެއެވެ. އެކަމަކު އެހައިވަރު ވާނެއެކޭ ހިތެއް ނުބުނެއެވެ. އެހެންނޫން ނަމަ، ހާޖަރައްތަ ބުންޏަސް އެ ކަމެއް އޭނާ ނުކުރީހެވެ.

“ނުކޮށެއް ނުވާނެ! ކުރަން ވާނީ؟ މަތިން މާ މޮޅު މީހަކު އޭނައާ އިންނާކަށް ނުފައިބާނެ!”

ނަދާ ކަންތައްކުރި ގޮތުގެ ވާހަކަ ނީނާ ކިޔައިދިނުމުން، ހާޖަރާ ގާތަށް ރުޅިއައެވެ. ހާޖަރާ ގަބޫލުކުރާ ގޮތުގައި، ލަތީފަކީ ފަސްމީރު ކުރިރުކެކެވެ. އެ ފަދަ ރަންގަނޑެއް ނަދާގެ ކައިވެންޏަށް އެދުމުން ކޮޅުފައިން ޖަހާފައި ފެއަށްޖެހުމަކީ، ބަދުނަސީބުގެ ގޮވައްޗަށް ވަނުމަށް ޓަކައި އެޅޭ ކަތި ފިޔަވަޅުތެކެކެވެ. ދަރިއަކަށް ދެރަގޮތެއް ވާން މައިންބަފައިން ނޭދޭ ގޮތަށް، ދަރިންނަށް ރަނގަޅުގޮތް ވާން އަބަދުވެސް މައިންބަފައިން އެދޭނެއެވެ.

ހާޖަރާ އިތުރަށް އެންމެ ލަފުޒެއް ވެސް ނުބުނެއެވެ. އިސްދަށަށް ޖެހިގޮތަށް ހަނު އިނީއެވެ. އޭނާ އިނީ ވިސްނާށެވެ. ލަތީފުގެ އެ ހުށަހެޅުން ބޮލައިލާ ޖަހާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އެންމެ ނިކަމެތިކަން ލިބުނު ދުވަހު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިން ފަރާތަކީ ލަތީފެވެ. އަގެއް އެދުމެއް ނެތި، ފޯރުކޮށްދިން ދީލަތި އެހިތެރިކަމަކީ، އޭނާއަށް އޭގެ ފުރިހަމަ އަގު އަދާކުރެވޭނެ އެހީތެރިކަމެއް ނޫނެވެ. ނަދާއަށް ޓަކައި އެ ފަދަ ހެޔޮ، ރަނގަޅު ކުއްޖަކަށް އޭނާ އަބަދު ވެސް އައީ އުއްމީދުކުރަމުންނެވެ. ދުޢާ ވެސް ކުރަމުންނެވެ. އެ ދުޢާމަތީގައި އިންދާ، އެ ފަދަ ކުއްޖަކު އަމިއްލައަށް އައިސް ނަދާގެ ކައިވެންޏަށް އެދުމަކީ، އޭނާ ކުރަމުން އައި ދުޢާ އިޖާބަކުރެއްވިކަމުގެ ކޮން ފަދަ ފުރިހަމަ ދަލީލެއް ހެއްޔެވެ؟

ހާޖަރާގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެހެންވެއެވެ. ނަދާއަކީ އޭނާ ވަރަށް ލޯބިވާ ކުއްޖެކެވެ. ދުވަހަކު ވެސް ރުޅިއައިސް މިހައިތަނަށް އެއްޗެއް ނުބުނެއެވެ. ބުނާކަށް ބޭނުމެއް ވެސް ނުވެއެވެ. ރުޅި އާދެވުނީތީ އޭނާ އިނީ ވަރަށް ދެރަވެފައެވެ. ދެ ލޮލަށް ޖަމާވަމުން އަންނަ ކަރުނައިގެ އަސްލަކީ އެއީއެވެ. އޭނާ އިސް އުފުލައިލައި، ނީނާގެ މޫނަށް ބަލައިލުމާއެކު، ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ.

“ނީނާ! ދައްތައަށް ރުޅިއާދެވުނު ވާހަކަ ނަދާގާތުގައި ނުބުނައްޗޭ! އޭނާ ވަރަށް ދެރަ ވާނެ!” ހާޖަރާ ދެ ލޯ ފޮހެލިއެވެ. “ދެން ނީނާ އިތުރަށް އޭނާގާތު އެ ވާހަކަ ދައްކާނެކަމެއް ނެތް!”

ހާޖަރާ މިހާރު އެ އިނީ ދެން ކަންކުރާންވި ގޮތް ނިންމައިގެންނެވެ. އޭނާ ނަދާއަށް ގުޅާނެއެވެ. އެ މައުޟޫޢަށް ވާހަކަ ދައްކާނެއެވެ. ރުޅިއައިސްގެނެއް ނޫނެވެ. ހިތްހަމަނުޖެހިގެނެއް ވެސް ނޫނެވެ. ލޯބިންނެވެ. ވިސްނައިދިނުމުގެ ގޮތުންނެވެ. ލަތީފާ ކައިވެނިކުރުމުން، ނަދާގެ ކުރިމަގަށް އަންނާން އޮތް އުފާވެރިކަން ކިޔައިދިނުމަށެވެ. އެ ގޮތަށް އެ ވާހަކަ ދެއްކުމުން، ނަދާގެ ނުރުހުމެއް ނޯންނާނެއެވެ. އިންކާރެއް ނުކުރާނެއެވެ. ނަދާ ދެކޮޅުހެދީ ނީނާއަށް ވާހަކަ ދެއްކުނު ގޮތުން ކަމަށް ވެދާނެއެވެ. ނުވެސް ދަންނަ މިހަކާ ކައިވެނިކުރަން ކުއްލިއަކަށް ބުނުމުން، ރުޅި އައުމަކީ ވެދާނެ ވެސް ގޮތެކެވެ.

ބިޝާރާ ލެޕްޓޮޕް ނިވާލިއެވެ. ލައްޕާލުމަށްފަހު ތެދުވެ ހިންދެމިލިއެވެ. އޭރު ވެސް އޭނާގެ ސިކުނޑީގައި ގުގުމާފައި ވަނީ “ހޯދާބަލާ… ހޯދާބަލާ…، ބަލާހޯދާ… ބަލާހޯދާ” ފަދަ ވަޒަންތަކުގެ އަޑެވެ. އޭނާ ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ.

“ހޯދަހޯދާ ހޯދަހޯދާ ހޯދައޭ” ބިޝާރާ ފާޚާނާއަށް ވަދެ ދޮރުލައްޕައި ތަޅުލިއެވެ.

ފާޚާނާއިން ނިކުމެގެން އެނދާ ދިމާއަށް ބިޝާރާ ހިނގައިގަތްތަނާ، މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. ނެގިއިރު ގުޅަނީ ނަޝާތެވެ. ޅެން ކުލާސް ނިންމިގޮތަށް އޭނާ އެ ގުޅީއެވެ. ބިޝާރާ ފޯނު ނެގީ ނުނަގާން ހުރެފައެވެ. ނުނަގައިފިއްޔާ ނަޝާތު ހީކުރާނީ އެހެން ގޮތަކަށް ކަން އެނގޭތީއެވެ.

“ކީކޭ ނަޝާތު؟” ބިޝާރާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން އެނދު ހުރަހަށް ޖައްސާލިއެވެ.

ނަޝާތުގެ މައުޟޫޢު މުޅިން އެހެން ދިމާއަކަށް އަމާޒު ހިފާފައިވާތީ، ބިޝާރާއަށް މިހާރު އޭނާއާ ވާހަކަ ދައްކާން ކޮންމެވެސް ވަރަކަށް އުނދަގޫވެއެވެ. ނަޝާތަކީ ގޯސް ކުއްޖެއް ނޫނެވެ. ރަނގަޅު ކުއްޖެކެވެ. މޮޅަށް ކިޔަވާ، ތޫނިފިލި ކުއްޖެކެވެ. ދީނީ ފިކުރު ވެސް ހުންނަ ކުއްޖެކެވެ. ދިރިއުޅުމަކަށް ވަރަށް ރަނގަޅު ކުއްޖެކެވެ. އެހެންނަމަވެސް ބިޝާރާގެ ހިތުގައި އެ ނަމަކަށް ޖާގައެއް ނުހެދުނެވެ. އެކަން ވޭތޯ އޭނާ މަސައްކަތް ކޮށްފިއެވެ. އެ ހިތުގައި ފިޒާލަށް ޓަކައި ހުސްކޮށްފައިވާ ޖާގައިން ފިޒާލު ބޭރުކޮށް ނަޝާތަށް އެ ޖާގަ ކަށަވަރުކޮށްދޭން، ވަރަށް ބޮޑަށް މަސައްކަތް ކޮށްފިއެވެ. އެހެންނަމަވެސް އެކަން ވާގޮތެއް ނުވިއެވެ.

“ހަމަ ގުޅައިލީ. ކޮންކަމެއް ދެން އޮތީ.” ބެލްކަނީގައި ހުރި އެއްތެޔޮފުރި ގޮނޑީގައި ނަޝާތު ހަމަޖެހިލިއެވެ.

“ފިލާވަޅުތައް ނިންމާލަންކަމަށް މި އުޅެނީ.” ބިޝާރާ ބޭނުންވަނީ ފޯނު ކުރުކޮށްލާށެވެ.

“އެނގޭތަ؟ އެކެޑަމީން މިހާރު ވާހަކަ ދައްކަން ދަސްކޮށްދޭ ކޯހެއް ވެސް ފަށައިފިއޭ.”

“އާނ! އެނގިފަ އޮތީ. 20 ގަ ދޯ ފެށީ؟”

“ހޫނ! ނާވިލް ލިޔަން ދަސްކޮށްދޭ ކޯހެއް ވެސް މި މަހު 25 ގަ ފަށަން އުޅެނީ.”

“ނާވިލޭ؟ އެއީ ކޯއްޗެއް؟” ބިޝާރާއަކަށް ނޭނގުނެވެ.

“އެއީ ދިގު ވާހަކަ. ބައިވެރިވާން ވާނެއެއްނު!”

“ނޯ އިންޓްރެސްޓިންގ. އެހެންނޫނަސް ހުރިހައި ކޯހެއް ނުހެދޭނެ.” ބިޝާރާ ވަގުތުން އިންކާރުކުރިއެވެ. “ނަޝާތު ބައިވެރިވާންތަ ތި އުޅެނީ.”

“ބިޝާ ނުވަންޏަކާ ނުވާނަން!” ނަޝާތު ފުން ނޭވާއެއް ދޫކޮށްލިއެވެ. ބިޝާރާ އެ އަކަށް އެއްވެސް އެއްޗެއް ނުބުންޏެވެ.

“ބިޝާ!”

“ކީކޭ؟”

“އަދި ވެސް މަށަށް ޖަވާބެއް ދެވޭވަރެއް ނުވޭތަ؟”

“ވަރަށް ވިސްނައިފިން. މި އަންނަ ހަފުތާގައި ޖަވާބެއް ދޭނަން.” މާ ބޮޑު ވިސްނުމެއް ނެތި ބިޝާރާ ވަގުތުން ބުންޏެވެ.

“ހިތްހަމަޖެހޭ ކަހަލަ ޖަވާބަކަށް އިންތިޒާރުކުރާނަން.” ނަޝާތު ހިންދިރުވައިލިއެވެ.

މެންދުރުކުރީގެ ވަގުތެވެ. ކަޅުވިލާތަކުން ބަނަވެފައިވާ އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެން ބެލްކަނީގައި ހުރި ފިޒާލުގެ ސިކުނޑީގައި ވެސް ވަނީ އެފަދަ ބަނަކަމެކެވެ. ކުރިމަތީގައި ފަޅަށް ހުރި ބެލްކަންޏަކީ، އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ދެމުން ގެންދާ ބެލްކަންޏެކެވެ. އޭނާއަށް އިރުއިރުކޮޅުން އެ ދިމާއަށް ބަލައިލެވެއެވެ. ބެލްކަންޏަށެވެ. ބެލްކަންޏަށް ނިކުންނާން ހުންނަ ދޮރަށެވެ. އެހެންހުރި އިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ، އަހުސަނު ދެއްކި ވާހަކަތަކެވެ. ނަދާއަށް ޓަކައި ކުރެވޭ އިންތިޒާރެވެ. މި އިންތިޒާރުގެ ނިމުން އަންނާނީ ކިހައި ދުވަހަކުން ބާވައެވެ؟ ކޮން ގޮތަކަށް ބާވައެވެ؟ އަހުސަނު އެ ބުނިހެން، އެ ފަދަ ހިތި ގޮތަކަށް މި ކަން ވެދާނެ ބާވައެވެ؟ މި ކަހަލަ ފިކުރުތަކެއްގައި ހުއްޓާ، އޭނާގެ ފޯނަށް އައީ ބައްޕަގެ ކޯލެކެވެ.

ފިޒާލް ފޯނު ނެގިއެވެ. ހަލޯއޭ ބުނެލުމާއެކު ތައުފީޤު އެދުނީ، ވާހަކައެއް ދައްކާލަން ސިޓިންރޫމަށް އައިސް ދިނުމަށެވެ. ފިޒާލު ކޮޓަރިއަށް ވަދެ، ކުޑަކޮށް މޫނުމަތި ރީތިކޮށްލައިގެން ނިކުތްއިރު، ތައުފީޤު އިނީ ސިޓިން ރޫމުގައެވެ. އޭރު ސިޓިން ރޫމު އެއްވަސްވެފައި ވަނީ ބައްޕަގެ ގައިން އާންމުކޮށް ދުވާ، އަލް ޢޫދުގެ މީރު ވަހުންނެވެ.

ފިޒާލް އައިސް ބައްޕާއޭ ކިޔައި ގޮވައިލަމުން، ތައުފީޤުގެ ގާތުގައި ޖައްސާލިއެވެ. ތައފީޤު ވަރަށް ފަރުވާތެރި ނަޒަރަކުން ފިޒާލުގެ މޫނަށް ބަލައިލިއެވެ. ފިޒާލަށް އެކަން ފާހަގަކުރެވުނެވެ. އޭނާ އިނީ ބައްޕަ ކޮށްފާނެ ސުވާލަކާމެދު ކަންބޮޑުވެފައެވެ.

“ލޮކްޑައުން އުވާލަން އެބަ އުޅެއެއްނު! ބައްޕައަށް ފެންނަނީ، އީދު ފަހުން އަހުސަނުގެ ދެމަފިރިން ކުޅުދުއްފުށްޓަށް ފުރުވާލަން.”

“މި އަންނަ އާދީއްތަ ދޯ އީދަށް ވަނީ.”

“އާނ! ދެ ދުވަސް ދެން މި އޮތީ. އަހުސަނުމެން ފުރުވާލުމުގެ ހުރިހައި ކަމެއް ބައްޕަ މިހާރު ހަމަޖައްސައިފިން. އެ ދެމަފިރިންނަށް އެއްވެސް ދައްޗެއް ނެތި ހުރިހައި ކަމެއް ހަމަޖެހޭގޮތަށް އޮންނާނީ ނިމިފަ. އެހެންވީމާ ދަރިފުޅު އަހުސަނަށް ގުޅައި މި ވާހަކަ ބުނެލާފަ ބާއްވާ!”

“އެޗްޕީއޭއިން ބުނަނީ، ލޮކްޑައުންނަށް ބަދަލެއް ގެންނާނީ އާންމުންގެ ކަންކަން ހުންނަ ގޮތެއް ބަލާފައިކަމަށް.” ފިޒާލަށް އެނގިފައިވާ މިންވަރު ބައްޕައަށް ބުނެދިނެވެ.

“ދެން ކޮންމެހެނެއް ވިޔަސް، އީދުފަހުން، އެ މީހުން ފުރުވާލެވޭތޯ ބަލަންވާނެ! މިހާރު މާ ގިނަ ދުވަސް މި ވަނީ.”

“ދަތުރު ކިހިނެއް ހަމަޖައްސާނީ؟ މިހެން މި އެހީ މޫސުން އަދިވެސް ވަރަށް ގޯސްކޮށް އުޅޭތީ. މިހާރު ވެސް އެ އޮތީ ޅ.އަތޮޅުން ފެށިގެން އައްޑުއަތޮޅަށް ޔެލޯ އެލާޓް ނެރެފަ.”

“އެހައި ތަނަށް ދާއިރު ހީވަނީ ރަނގަޅު ވާނެހެން! ކޮންމެ ގޮތެއް ވިޔަސް، ކަނޑުމަގުން ފޮނުވޭނީ. ވައިގެ ދަތުރުތައް ފެށޭނެ ދުވަހެއް އަދި ނޭނގެއެއްނު! ހަނދާންކޮށް އަހުސަނަށް މިއަދު ގުޅާތި!”

“އާނ! އިރާދަކުރެއްވިއްޔާ މެންދުރުފަހު ގުޅާލާނަން!” އަހުސަނު ބޯ ޖަހައިލިއެވެ.

“ޟުޙާ ކޮށްގެންތަ ތި އުޅެނީ؟”

“އަދި ނުކުރަން.”

“މި ފަހަރު އީދު ނަމާދު ވެސް މި ޖެހެނީ ގޭގައެއްނު ކުރަން. އިސްލާމިކް މިނިސްޓްރީން އެބަ އޮތް ނޫސްބަޔާން ނެރެފަ.”

“މި ފަހަރު ނޫނީ ދުވަހަކު ވެސް މި ގޮތަށް ގޭގައި ޢީދުނަމާދުކުރަން ޖެހުނުތަ؟”

“ހަމަ ގައިމު ވެސް ބައްޕަގެ ހަޔާތުގައި މި ކަހަލަ ކަމެއް ދިމާވެފައެއް ނެތް. މީހަކު ބުނާ އަޑެއް ވެސް ނާހަން އެކަލަ ވާހަކައެއް.”

“އީދު ނަމާދު އެ ގޮތަށް ގޭގައި ކުރުން އެއީ ރަނގަޅުކަމެއްބާއޭ ހިތަށް އަރަނީ.”

“އާނ! ޖަމާއަތް ގާއިމު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ ކުރުން ޝަރުޢުވެގެން ވާ ކަމަށް ބުނަނީ. ޝަރުޢީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެ ނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާއެކު ޖަމާޢަތުގައި ޢީދު ނަމާދު ކުރައްވާ ކަމަށް ޞައްޙަ ރިވާޔަތްތަކުން ވާރިދުވެ އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން އެބަ އޮތް ބުނެފަ.”

“ދެން ޚުތުބާ ކިހިނެއް ކިޔަނީ؟” ފިޒާލުގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ބައްޕައާ ކުރަމުން ގެންދިޔައެވެ.

“އީދު ނަމާދުގެ ޚުތުބާއަކީ ހާކިމާގެ އަމުރަށް ބޮޑު ޖަމާއަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް. އެހެންވީމަ ގޭގައި ކުރާއިރު ޚުތުބާ ކިޔާކަށް ނުޖެހޭނެ.”

“އެހެންވީމަ އެކަނި ވެސް ޢީދުނަމާދު ކުރެވޭތާ!”

“އެކަނި ވެސް ކުރެވޭނެ! އެކަމަކު ބޮޑަށް އެދެވިގެންވަނީ ޖަމާޢަތުގައި ކުރުމަށް. ދެން ދޭ ޟުޙާނަމާދު ކޮށްލައިގެން ޤުރުއާން ކިޔަވާލަން. ހަނދާންކޮށް މެންދުރުފަހު އަހުސަނަށް ގުޅާފަ، ޢީދު ފަހުން ފުރާގޮތަށް ތައްޔާރުވާށޭ ބުނާތި!” ތައުފީޤު ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނަގައިގަތެވެ.

“އޯކޭ! މިއަދު ފުރަން ޖެހުނަސް މަ މިހިރީ ހަމަ ތައްޔާރަށް.” އަހުސަނު ބޭނުން ވަނީ ވީހާވެސް އަވަހަށް އެ ކަމުން ސަލާމަތްވާށެވެ. ނަބީއަށް ޖެހިފައިވާ މުޞީބާތުން އޭނާ މިންޖުކޮށް އުފާބެރި ދިރިއުޅުމެއް އުޅޭށެވެ.

“ދެން އެ ކޮޅަށް ގޮސް އުޅޭއިރު ވަރަށް ރަނގަޅަށް ނަބީ ބަލަހައްޓައްޗޭ!”

“އަދި ކަރަންޓީނު ވެސް ވެފައި ދޯ ދެވޭނީ.”

“އާނ! ކަރަންޓީނު ވެގެން ވެސް މިހާރު ތި އުޅޭހެން އުޅެވޭނެއެއްނު.” ޙަޤީޤަތަކީ މިހާރު ވެސް އަހުސަނުމެންނަށް އެ ތިބެވެނީ ހަމަ ކަރަންޓީނުގައެވެ. ކޮޓަރިއެއްގައި ތާށިވެފައެވެ. ބޭރަށް ފިޔަވަޅެއް ވެސް އެޅެނީއެއް ނޫނެވެ. ކަރަންޓީނުވީމާ ވާނީ ތަންކޮޅެއް ފަސޭހައެވެ. އަމިއްލައަށް ކައްކާކަށް ނުޖެހޭނެއެވެ.

“ތިކަން އޮތީ ތިހެން. ފިޒާލު ވެސް އަހަރެމެންނާއެކު ދާންވީނު!”

“މަށަކަށް ނުދެވޭނެ!” އަވަސް އަވަހަށް ފިޒާލު ބުންޏެވެ.

“ކީއްތަވީ؟ މާހައުލު ބަދަލުކޮށްލަނިކޮށް، ތި ފިކުރުތަކާ ވެސް ދުރުވެވިދާނެ!”

“އެކަމަކު ވެސް މަށަކަށް ތި ކަމެއް ނުވާނެ! މަންމަމެން ވެސް ގަބޫލެއް ނުވާނެކަންނޭނގެ.”

“މަ އަހަންތަ؟”

“ދެން ތި ވާހަކަ ބާއްވާފަ މި ވާހަކަ އަޑުއަހާބަލަ! އަހުސަނު ކުރީ ދުވަހު ދެއްކި ވާހަކަތަކާމެދު މަ ވަރަށް ބޮޑަށް ވިސްނައިފިން.”

“ކޮން ވާހަކައަކަށް؟” އެނގިހުރެ އަހުސަނު އެހިއެވެ.

“ނަދާއާ ބެހޭގޮތުން ބުނީމެއްނު!” ފިޒާލު ސުރުޚީ އަޅައިލިއެވެ.

“އަދި ހަނދާނަކަށް ނާދޭ.”

“ބުނީމެއްނު ނަދާ އަހަރެން ދެކެ ލޯބިވާކަމެއް ވެސް ނޭނގެއޭ، މީހެއްގެ އަނތްބެއް ނޫންކަމެއް ވެސް ނޭނގެއޭ. އޭނާ ހޯދޭނެ ގޮތެއް ވެސް ނެތޭ، މި ކަހަލަ ވާހަކަތަކެއް ދެއްކީމެއްނު!”

“އާނ! ހަނދާން ވެއްޖެ. ކިހިނެއް ދެން ތި ވިސްނީ؟” އަވަސް އަވަހަށް އަހުސަނު އެހިއެވެ.

“ހިތަށް މި އަރަނީ އެއީ ހަމަ ރަނގަޅު ވާހަކަ ތަކެކޭ.” ފިޒާލަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“އާނ! އެއީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް. އަހަރެން އަދި ވެސް ބުނާނީ ތި ޚިޔާލުތަކާ ދުރުވާށޭ.”

“އަހުސަނުގެ ބަސް އަހަން ދެން މި ވިސްނަނީ. މަންމަމެން އުފާވާނެހެން ވެސް އުޅެވޭތޯ ބަލަންވާނެތާ!”

“ސީރިޔަސްކޮށްތަ؟” ފިޒާލުގެ އެ ޖުމުލަ އިވިފައި އަހުސަނަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ.

“އާނ! އެކަމަކު މިހާރު މަ އެބަ ބޭނުންވޭ ކުއްޖަކާ ރައްޓެހިވާން! އޭރުން ކަންނޭނގެ މަށަށް މި ކަމުން އަވަހަށް ސަލާމަތް ވެވޭނީ.” ފިޒާލު ބޭނުންވާ ގޮތް އަހުސަނުގެ ގާތުގައި ބުންޏެވެ.

Be the first to comment

ޚިޔާލު