ހިތްހެޔޮ ޚިދުމަތް

މާލެއަކީ، ތަފާތު އެކި ނަންނަމުގައި، އެކިއެކި ޚިދުމަތް އާންމުންނަށް ފޯރުކޮށްދޭ ސިޓީއެކެވެ. ރާއްޖޭގެ އެހެން ހުރިހާ ރަށަކާ އަޅައި ބެލިޔަސް، މާލެއަށް ވުރެ ވަކިން ފުޅާކޮށް ގިނަ ޚިދުމަތް ދޭ އެއްވެސް ރަށެއް މި ގައުމަކު ނޯންނާއެވެ. ބޮޑެތި މުހިންމު ޚިދުމަތްތަކުން ފެށިގެން ގޮސް، އެންމެ އާދައިގެ ކުދިކުދި ޚިދުމަތްތަކާ ހަމައަށެވެ. މީގެ ތެރެއިން ގާތްގަނޑަކަށް %99 ޚިދުމަތަކީ، ކޮންމެވެސް ސިފައެއްގައި އަގު ނަގައިގެން ދެވޭ ޚިދުމަތްތަކެވެ. (%100 އޭ ނުދެންނެވީ، ސަރުކާރުން ހިލޭ ދޭ ޚިދުމަތް، ކޮންމެވެސް މިންވަރަކަށް ހުރީތީއެވެ.) އެހެންކަމުން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް، އޯގާވެރި އަތަކުން ތިރި ހިތަކާއެކު، ޚިދުމަތް ކޮށްދެވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.

މި ވާހަކަ ފަށައިގެން މި އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ހިތަށް ހަމަ ދަތިވެގެންނެވެ. ދިމާވާ ތަފާތު ކަންކަމާހުރެއެވެ. އެހެންނަމަވެސް އެ ފަދަ ހުރިހާ ވާހަކައެއް، މި ފަދަ ދެތިން ފޮޅުވަތެއްގައި ލިޔެ ހާމަކުރާކަށް ފަސޭހައެއް ނުވާނެއެވެ. ދާދި ފަހުން ދިމާވި ކަމެއްގެ ވާހަކަ ލިޔެލާނަމެވެ. އަޅުގަނޑު ވެސް އެ ނަސްލަކަށް ނިސްބަތްވާ، ދިވެހި ނަސްލާ ގުޅުވައިގެން މި ފަދަ ވާހަކަ ލިޔަންޖެހޭތީ ދެރަ ވެސް ވެއެވެ.

އެއީ މީގެ ދެތިން ދުވަސް ކުރިއެވެ. ތަނެއް ނުދަންނަވާނަމެވެ. މާލޭގައި އަމިއްލަ ފަރާތަކުން ހިންގާ ނަން މަޝްހޫރު ހަސްފަތާލެކޭ ދަންނަވައި ފުއްދައިލާނީއެވެ. އަޅުގަނޑު ދިޔައީ ޞިއްޙީ ފަރުވާއެއް ހޯދާށެވެ. މެޝިނުން ނަންބަރެއް ނަގައިގެން، ކުޑައިރުކޮޅަކު ކިޔުގައި ހުރެލުމަށްފަހު، ކޮށިގަނޑު ކައިރިއަށް ހިނގައްޖައީމެވެ. އިނީ ޒުވާން އަންހެން ކުއްޖެކެވެ. ވަރަށް ރީތިކޮށް ނަލަ ހެދިލައިގެންނެވެ. ތުންފަތް ހުރީ ގަދަ ރަތްކުލައިން ފަވާލައިފައެވެ. މޫނުމަތީގައި ހުރީ ހަވީރުގެ ތާޒާކަމެވެ. ހިތަށް އެރިއެވެ. ޚިދުމަތްދޭ ކުދިން ތިބެން ޖެހޭނީ މިހެން ރީތިވެލައި ގެންނެވެ. އަންނަ މީހުންގެ ހިތަށް ކިހާ ބޮޑު ފަރުވާއަކަށް ވާނޭ ހެއްޔެވެ؟

އެ ކުއްޖާއާ ދިމާއަށް އަޅުގަނޑަށް ހުއްޓާލެވުނު ތަޢުރީފުގެ ނަޒަރު، އޭގެ އަނެއްކޮޅަށް ފުރޮޅިގެން ދާކަށް ހަމަ އެންމެ މިނެޓެއް ވެސް ނުނެގިއެވެ. އެހެރަ ބަލައިލި ފާޑެކެވެ. މޫނުމަތީގައި އެހެރަ ބަނަ ކަމެކެވެ. ގަދަ ރަތްކުލަ ޖެހިފައިވާ އެ ދެ ތުންފަތުގައި ހިނިތުންވެލުމުގެ ކުލަ މިއިން ޒަމާނަކު ވެސް ޖެހިފައިވާ ނުވާ ކަހަލައެވެ. ވާހަކަ ދެއްކުމުގައި ހުރީ އަދަބު ކުޑަ ގޮތެކެވެ. އަޅުގަނޑަށް ކުރެވުނީ، ދޭ ހިތް ނުވެފައި ހުރި މީހެއްގާތަށް، ދަރަންޏަށް އެއްޗެއް ނަގަން އައިސް ހުރެވުމުން ކުރެވޭ ކަހަލަ ނުތަނަވަސް އިޙުސާސެކެވެ. ހިތާނުވި ވަރުން އެއްޗެއް ބުނަން އަނގަ ހުޅުވައި ވެސް ލެވުނެވެ. އެކަމަކު ކެތްތެރިވެލީ، އެއީ އޭނާގެ ފެންވަރުކަން ހިތަށް ގެންނަމުންނެވެ. ޚިދުމަތް ހޯދައިގެން ދުރަށް ޖެހިލުމުން ދެން ހުރި މީހާއާ ވެސް އޭނާ ކުރިމަތިލީ ހަމަ އެފާޑަށެވެ.

މިއީ ތައުލީމީ ޒަމާނެވެ. އެ ފަދަ ކޮންމެ ތަނެއްގައި ވެސް އިންނާނީ ތަންދޮރު ދަންނަ، ތަޢުލީމީ އުރަތްޕެއް ހުރި މީހެކެވެ. ނުވަތަ ކުއްޖެކެވެ. ޚިދުމަތް ހޯދަން އަންނަ މީހުން ހިތްހަމަ ޖެހޭނެ ގޮތާއި، ފޫހިވާނެ ގޮތް ވެސް އެނގޭނެކަމަށް ހީކުރެވެނީ މިހެންވީމައެވެ. ފުސްމޫނާއި، ބޮޑާ ކުލަވަރާއި، ނުރުހުމުގެ ބެލުންތަކާއި، ހަރުކަށި ބަސްތަކާއި، މަލާމާތުގެ ތުން އެނބުރުމާއި، މިފަދަ ސިފަތަކީ، ހަމަ އެކަކު ވެސް ރުހުމުގެ ލޮލަކުން ބަލައި، ތަޢުރީފުގެ ލަފުޒަކުން އިނާމެއް ދޭނެ ސިފަތަކެއް ނޫނެވެ. އެހެން އުޅޭ ކުދިން އެ އުޅެނީ، ކޮން މޮޅެއް ހޯދަން، ކޮން މެޑެއްޔެއް ޖަހަން ބާވައޭ ހިތަށް އަރައެވެ.

ރީތި ހިނިތުންވުމަކާއެކު، ހިތްހެޔޮ ބަސްތަކުން މުޚާތަބުކޮށް، ކެތްތެރިކަމާއެކު ޚިދުމަތްދޭ ފަރާތްތަކާ ވެސް ދިމާވެއެވެ. އެކަމަކު ހިތާމައަކީ މި ގޮޅިއަށް ފެތޭ މީހުން، މި ދިވެހި ފަސްގަނޑުގައި އަދި ވެސް މަދުކަމެވެ. ސަރުކާރު އޮފީހަކަށް ވަދެލިޔަސް، އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ދޮރު ހުޅުވައިލިޔަސް، ވިޔަފާރުކުރާ ތަނަކަށް ވަދެލިޔަސް، ގިނަ ފަހަރަށް ކުރެވެނީ ކުށްވެރި ވެގެން، ނުވަތަ ދަރަނިވެރި ވެގެން ގެނެވިފައި ހުންނަ މީހެއްގެ އިހުސާސެވެ. ތިމާމެން މި ގޮނޑީގައި ބައިތިއްބާފައި މި ތިބެނީ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް، ވީ އެންމެ ރަނގަޅަކަށް ޚިދުމަތްދޭން ކަމެއް ނޭނގޭތީ ވާގޮތެވެ. މަހުން މަހަށް ލިބޭ މުސާރަކޮޅު މި ލިބެނީ، ކީއްވެގެންކަން ނުވިސްނޭތީ ވާގޮތެވެ.

މިއީ ތަނުގެ ވެރިންނާއި، އިސް ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ކަމެކެވެ. ތިމާމެންގެ ވިޔަފާރި ނުވަތަ އަގުނަގާފައި ފޯރުކޮށްދޭ ޚިދުމަތް، އާންމުންނާ ހަމައަށް ގެންގޮސްދޭ މެދުވެރިންނަކީ އެ ފަދަ ކަމަކަށް ގާބިލުބައެއްތޯ ނުވަތަ ނޫންތޯ ބެލުމެވެ. އެ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނުތައް ދިނުމެވެ. އޭރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށް ވެސް ލިބޭ ފައިދާއާއި ހިތްހަމަޖެހުން އިތުރުވެގެން ދާނެއެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ ހިތްހެޔޮ ޚިދުމަތެކެވެ.

Be the first to comment

ޚިޔާލު