ފިޒާލު ބުނި އެއްޗަކާމެދު އަހުސަނު ވިސްނައިލިއެވެ. ފިޒާލު ދެކެ ލޯބިވާ ކުއްޖަކު ހުރިކަން އަހުސަނަށް އޮތީ އެނގިފައެވެ. އެއީ ކޮން ކުއްޖެއްކަން ނޭނގުނަސް، އިންތިހާއަށް ލޯބިވާ، ވަރަށް ރަނގަޅު ކުއްޖަކު ހުރި ވާހަކަ މަދީހާ އެއް ދުވަހު ވާހަކަ ދެއްކި އިރު އަހުސަނުގެ ގާތުގައި ބުންޏެވެ. މިއީ އެ މައުޟޫޢަށް ވަންނާން ވަރަށް ރަނގަޅު ދަނޑިވަޅެކެވެ. އެހެންނަމަވެސް މަދީހާގެ ގާތުގައި އަހައިނުލައި ބުނާކަށް އޭނާއަކަށް ނުކެރުނެވެ.
“ފަސްޖެހޭނެ ކަމެއް ނެތް! ތީ ލިބުނު ކިހައި ބޮޑު ކާމިޔާބެއް.” ފިރާޤު އިނީ، އޭނާގެ އެކުވެރިއެއް ކަމަށްވާ، ލައިޓް ސްޓާ މޫސައަށް ގުޅާލައިގެންނެވެ. މޫސައަކީ ހުޅުމީދޫ މީހެކެވެ.
“އަސްލު ވެސް ވަރަށް ބޮޑު ކާމިޔާބެއް.” ފިރާޤަށް މޫސަ ތާޢީދުކުރިއެވެ.
“ކިހިނެއް އެ ސޮރުގެ ވިސްނުން ހުރީ؟”
“އޭނާގެ ވިސްނުން ހުރީ ޕީސީއާރު މެޝިނެއް ވެސް ހަދަން.”
ފިރާޤާއި މޫސަގެ ވާހަކަ އަޑުއިވޭ ފަށުގައި މަރީނާ ހުއްޓެވެ. އިސްތިރިކުރާށެވެ. ފިރާޤު ފޯނު ބޭއްވުމުން، އޮޅުންފިލުވުމުގެ ގޮތުން މަރީނާ އަހައިލިއެވެ. ވީ ގޮތް މަރީނާއަށް ފިރާޤު ކިޔައިދިނެވެ. ފަޚުރުވެރިކަމާއެކުގައެވެ. ހުޅުމީދޫ ޒުވާނަކު ހަފުތާއެއްހައި ދުވަހުގެ މަސައްކަތުން ވެއްޓިލޭޓަރެއް އުފެއްދީއެވެ. އުމުރުން އެންމެ 25 އަހަރުގެ އަހުމަދު މުޢީދު ނަމަކަށް ކިޔާ އެ ޒުވާނާއަކީ ފިރާޤުގެ ގާތް އެކުވެރިއެއްގެ އާއިލީ ކުއްޖެކެވެ. އޭނާއަށް މި ކަހަލަ އެއްޗެއް އުފެއްދުމުގެ ޚިޔާލު އައީ، މިހާރު އެންމެ ތަދު އެއްޗަކީ އެއީ ކަމަށް ޤަބޫލުކުރެވިގެންނެވެ. އަޖުމަބެލުމުގެ ގޮތުން އޭނާ ވެންޓިލޭޓަރު އުފެއްދީ، ރަށުން ލިބެން ހުރި ތަކެތި ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް އެއަރބޭގް ހޯދީ ހުޅުދޫ ސިއްޙީ މަރުކަޒުންނެވެ.
“އޭތި ދެން ރަނގަޅަށް މަސައްކަތްކުރޭތަ؟” ފިރާޤުގެ ވާހަކަތައް އަޑުއަހަން ހުރެފައި މަރީނާ އަހައިލިއެވެ.
“ހުޅުމީދޫ ސިއްޙީ މަރުކަޒުން ޓެސްޓު ވެސް ކޮށްފިޔޯ މިހާރު. އެކަމަކު އެއީ އަދި ބޭރުން މި ގެންނަ ފެންވަރުގެ އެއްޗަކަށް ނުވާނެތާ. އެހެންނަމަވެސް އެ ސޮރުގެ އުއްމީދަކީ އެ ފެންވަރުގެ އެއްޗަކަށް އޭތި ހެދުން.” ފިރާޤު ހުރީ އަތޮޅު ކުއްޖަކު އެ ފަދަ މަސައްކަތެއް ކުރީތީ، ވަރަށް އުފާވެފައެވެ. “ކޮބާ މިހާރު ބިޝާރާ؟”
“އެބަ އުޅޭ ކޮޓަރީގަ. މިހާރަކަށް އައިސް ވަރަށް ގިނައިން ފޯނެއްގައި އެ މަންޖެ އޮވޭ. ނޭނގެ ގުޅައިގެން އުޅެނީ ކާކާކަމެއް.”
“ފަޒުލާ ކަމަށް ތި ވާނީ.”
“ފަޒުލާއެއް ނޫން!” މަރީނާ ބޯ ހަލުވައިލިއެވެ.
“ދެން ކާކު؟ އަނެއްކާ…؟”
“އެބަ ހިތަށް އަރާ އަހައިލަން.” ފިރާޤުގެ މޫނަށް މަރީނާ ބަލައިލިއެވެ.
“ނިކަން އަހައިލަބަލަ! މަރީނާ އަހައިފިއްޔާ އެ މަންޖެ ކިޔައިދޭނެ!”
“އަހަރެން މި ހުންނަނީ ތި ވާހަކަ މަންމަގެ ގާތުގައި ބުނަން ވެސް ބޭނުންވެފަ.” މަރީނާ ސުވާލުކުރުމުން ބިޝާރާ ބުންޏެވެ.
ނަޝާތުގެ ވާހަކަ މަރީނާއަށް ބިޝާރާ ކިޔައިދިނެވެ. ނަޝާތަކީ ކޮން ކުއްޖެއްކަމާއި ކޮން ކަހަލަ އުޅުމެއް ހުންނަ ކުއްޖެއްކަމާއި ނަޝާތު ބޭނުންވެގެން އުޅެނީ ކޮންކަމެއް ކަމެވެ. އެ ކަމަށް އަދި އެއްވެސް ޖަވާބެއް އޭނާ ނުދޭ ވާހަކައެވެ. ހުރިހައި ވާހަކައެއް ކިޔައިދިނުމަށްފަހު އޭނާ އެހީ މަންމަގެ ލަފައަކަށެވެ.
މަރީނާގެ ހަނދާން، އޭނާ ތުނބުލައިގެން އުދުހިގަތީ، މަދަރުސީ ހަޔާތުގެ ދުވަސްތަކާ ދިމާއަށެވެ. އޭރު މަރީނާ ކިޔަވަމުން އައީ ގުރޭޑު 9 ގައެވެ. މަޖީދަކީ އޭނާއާ އެއް އުމުރުގެ ކުއްޖެކެވެ. އޭނާ ވެސް އޭރު އުޅެނީ އެ އިސްކޫލުގެ ގުރޭޑު 9 ގައެވެ. މަރީނާއަށް މަޖީދުގެ ހުށަހެޅުން އައީ، އެ އަހަރުގެ ފަހު ޓާމުގައެވެ. މަރީނާ އާނ ބަސް ބުނީ، ގުރޭޑު 10 އަށް ބަދަލުވި އަހަރުއެވެ.
އެހައިތަނުން މަރީނާއާއި މަޖީދުގެ ނަން، އެތައް މިލިޔަން ނަމެއް އެ ފަތެއްގައި ހިމެނިފައިވާ ލޯބީގެ ފަތުގައި ލިޔެވިއްޖެއެވެ. މަޖީދު ދެކެ މަރީނާ އިންތިހާއަށް ލޯބިވިއެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް މަޖީދު ވާނޭކަމުގެ ފޮނި ހުވަފެން ތައް އައީ ދެކެމުންނެވެ. އެހެންނަމަވެސް އާޚިރުގައި ކަންވީ، މުޅިން އެހެން ގޮތަކަށެވެ. އޯލެވެލް ނިމުމާއެކު މަރީނާއަށް މަޖީދު ގެއްލުނީއެވެ. ރާއްޖޭން ބޭރަށް މަޖީދު ކިޔަވަން ދިޔަ ހިސާބުން، އެ ގުޅުން ނިމުމަކަށް އައީއެވެ. މަޖީދުގެ ހަނދާނުގައި، އެ ހުވަފެންތަކުގައި، އެތައް ދުވަހަކު މަރީނާއަށް އުޅެން ޖެހުނެވެ. އެހެންމެ ފަހުން އެކަން ވެގެން ދިޔައީ، އޭނާއަށް ނުއުފުލޭ ފަދަ ބޮޑު ވޭނަކަށެވެ. ފިރާޤާ ކައިވެނިކޮށްގެން، ފިރާޤުގެ އޯގާވެރި އަތުން ފިރުމި ފިރުމުންތަކާއި، ދިން ލޯބީގެ ސަބަބުން، އޭނާގެ އެތެރެހަށީގައި ލާފައިވާ ޒަޚަމްތައް، މަޑުމަޑުން ފަސޭހަވެ، އުފާވެރި ދިރިއުޅުމެއް ފެށުނީއެވެ.
މިއަދު ބިޝާރާއަށް ވެސް ނެގެން އެ އުޅެނީ، އެ ދުވަހު މަރީނާއަށް ނެގުނު ކަހަލަ ފިޔަވަޅެކެވެ. ނަޝާތަކީ ވެސް ކިޔަވާ ކުއްޖެކެވެ. އެއް އުމުރުގެ ދެ ކުދިންނެވެ. ނަޝާތުދެކެ ބިޝާރާ އިންތިހާއަށް ލޯބިވެދާނެއެވެ. އެހެންނަމަވެސް އެ ގުޅުން އެހައި އާރުލާ ގުޅުމަކަށް ނުވާނެއެވެ. ސްކޫލް ނިމޭތަނާ ބިޝާރާއަށް ނަޝާތު ގެއްލިދާނެއެވެ. ލޯމަތިން އޮބައިލަފާނެއެވެ. އެއް އިސްކޫލުން، އެއް ކުލާހުން، ގުޅޭ އެ ފަދަ ގުޅުން ގިނަ ފަހަރަށް ވާނީ ސްކޫލު ނިމުމާ ހަމައިން ނިމުން އަންނަ ގުޅުމަކަށެވެ. މާ ހަރުދަނާކޮށް އެޅޭ ބިންގަލަކަށް އެ ކަމެއް ނުވެއެވެ.
މަރީނާ ގަސްދުކުރީ މަރީނާގެ ހަޔާތުގައި ކަން ދިމާވި ގޮތް، ބިޝާރާއަށް ކިޔައިދޭށެވެ. އެއަށްފަހު އޭނާއަށް ފެންނަ ލަފައެއް ވެސް ދޭށެވެ. ނަޝާތުގެ އެ ހުށަހެޅުން ގަބޫލުކުރުމަކީ އޭނާއަށް ފެންނަ ކަމަކަށް ނުވިއެވެ.
މަންމަގެ ޚިޔާލު ހުރިގޮތް އެނގުމުން، ބިޝާރާ ދެރައެއް ނުވިއެވެ. އޭނާ ނިންމަން ބޭނުންވާ ގޮތާއި މަންމަގެ ޚިޔާލާ، އެއް މަގަކުން އެއް މިސްރާބަކަށް ދަތުރުކުރީމައެވެ. އޭނާ ވަގުތުން ނަޝާތަށް ދޭނެ ޖަވާބުގެ ފުރަތަމަ ދެލިކޮޕީ އެކުލަވައިލިއެވެ. އެއަށްފަހު އޭނާ އިންތިޒާރުކުރަން ފެށީ، ނަޝާތު ސުވާލު ކުރާނެ ދުވަހަކަށެވެ.
އަސުރު ނަމާދުކޮށް ނިމިގެން، ތައުފީޤު ނިކުތީ ބެލްކަންޏަށެވެ. ބެލްކަނީގައި ހުރި ގޮނޑީގައި ޖައްސާލުމަށްފަހު، ފޯނު ނެގީ ނިޒާރަށް ގުޅާލަންވެގެންނެވެ. އޭނާގެ ޚަބަރެއް ނުވާތާ ދެ ދުވަހެއް ވުމުންނެވެ. ގައުމުގެ ކަންކަމާމެދު އަނގަތަޅައިލާން ވެސް ބޭނުން ވެގެންނެވެ.
ފުރަތަމަ ރިންގާއެކު ނިޒާރު ފޯނު ނެގިއެވެ. ސަލާން ގޮވައިލިއިރު، ނިޒާރުގެ އަޑުގައި ހުރީ، އެހެންޏާ ހުންނަ ކަހަލަ ނިދި އަސަރެއް ނޫނެވެ. ތާޒާކަމެވެ. އޭގެ ސިއްރު ތައުފީޤަށް އެނގެއެވެ. ނިޒާރުގެ ކަރަންޓީނު ނިމެނީއެވެ. ވަޅުއީދު ދުވަހު އޭނާއަށް ރަށަށް ދެވޭނެއެވެ.
“ހާދަ އުފާވެފަ ތިހިރީ.” ސަމާސާ ގޮތަކަށް ތައުފީޤު ބުނެލިއެވެ.
“ދެލޯފުޅާ، މަށެއް ނޫން އަދި އުފާވެފައި މިހިރީއަކީ.” ތައުފީޤުގެ ސަމާސާގައި ނިޒާރު ބައިވެރިވެލިއެވެ.
“ދެން ކާކު؟ ސަކީނާ؟”
“އާނ! މަ ރަށަށް އެރީމަ ނޭނގެ އެ ފަކީރަށް ވާނެ ގޮތް ވެސް. މިހާރު ވެސް އެ އިންނަނީ ސިކުންތާއެކު ގުނައިލަ ގުނައިލަ.” ނިޒާރު އެހެން ބުނެލި ގޮތުން ތައުފީޤުގެ ގާތަށް އައީ ހިންޏެވެ.
“ސަކީނާއަށް ގުޅައިލަންވީތާ!”
“ގުޅާފަ ނިކަން ދިމާކޮށްލަބަލަ!” ނިޒާރު ހުރީ ވަރަށް މަޖާވެފައެވެ.
“މި ރޭ ގުޅާނީ. މިހާރު ބަދިގޭގައި ވަރަށް އަވަދިނެތި އުޅޭނީ.” ތައުފީގު ވެސް ވާހަކަ ދެއްކީ ހިނިއައިސްފައި އިނދެއެވެ. “ޗައިނާއިން ހުޅުމާލޭގައި ބިދޭސީން ބައިތިއްބަން ހެދި ފެސިލިޓީ ނިންމާފައި ސަރުކާރާ ހަވާލުކޮށްފިއެއްނު.” ރާގު ބަދަލުކޮށްލަމުން، މައުޟޫޢު ވެސް ތައުފީޤު ބަދަލުކޮށްލިއެވެ.
” ޗައިނާ މީހުންނަކާ ނުކުޅެވޭނެއޭ މަ ބުނި ހަނދާންވޭތަ؟ ދެން ތި އުޅޭ މީހުންނަށް، އެމީހުންނާ ހަމައަށް އަންނަން އަދި އެތައް އަހަރެއް ބޭނުންވާނެ. ޗައިނާއިން ބުނީ މި މަހު 18 އަށް އެތަން ނިންމާނަމޭ. އެ އޮތީ ހަމަ ބަރާބަރު ދުވަހަށް ނިންމާ ސަރުކާރާ ހަވާލުކޮށްފަ. 800 މީހުންގެ ޖާގައިގެ ތަނެކޭ އެއީ. 175 މީހުންނަށް އެއްފަހަރާ ކެވޭވަރުގެ ކާތަނެއް އެބަހުރި. 84 މީހުންގެ ޖާގައިގެ ފާޚާނާ ބްލޮކެއް އެބަހުރި. ވިއްސަކަށް ދުވަހުން އެ ނިންމާލީ.”
“ތި ކަމާ މަ ވެސް އެއްބަސް. އެކަމަކު މަގޭ ހިތަށް އަރަނީ، މިލިޔަނުން ޚަރަދުކޮށްގެން ބިދޭސީން ގެންގުޅޭނެ ތަންތަންބާވައޭ މި ކަހަލަ ދުވަސްވަރެއްގައި ހަދަންވީ. މި ތަނަށް ވެސް 4.3 މިލިޔަން ރުފިޔާ ޚަރަދުވިޔޯ. އަޅެ ކޮންމެ ބަޔަކު ޚަރަދު ކުރިޔަސް ކިހައި ބައިވަރު ފައިސާއެއް އެއީ.”
“ތި ކަހަލަ ވާހަކަ ދެއްކީމަ ދައްކާނެ ވާހަކަ ވަރަށް ގިނަ ވާނެ! ކޮންމެވެސް އެހެން ވާހަކައެއް ދައްކާ. މި އޮތީ ރޯދަ މަސް.” ތައުފީޤު ފެށި ވާހަކައަށް ވަންނާކަށް ނިޒާރު ބޭނުމެއް ނުވިއެވެ. “ގުރައިދޫގައި ހާދަ އެހެން ކަހަލަ ކަމެކޭ ދޯ ހިންގާލައިގެން އެ އުޅެނީ.” މައުޟޫޢު ބަދަލުކޮށްލުމަށް ޓަކައި، ނިޒާރު އެހެން ވާހަކައެއް ފެށިއެވެ.
“ތި ބުނީ، މަރާލައިގެން އެ އުޅޭ ބިދޭސީ މީހާގެ ވާހަކަތަ؟”
“އާނ!”
“މަށަށް ހީވަނީ އޭނަ މަރާލައިގެން އެ އުޅެނީ، އެ ބުނާ ބިދޭސީ މީހާހެން.”
“ވެދާނެ.” ނިޒާރު އެއްބަސްވިއެވެ.
“މިހެން މި ބުނީ، އެ ވަރުގެ ޒަޚަމެއް ލިބިފައި އޮތް އިރު ވެސް، އޭނާ ފަރުވާ ހޯދާން ހެލްތު ސެންޓަރަށް ވެސް ނުދާތީ. އެހެން މީހެއްގެ ގާތުގައި ވެސް ބުނިކަމަކަށް ނުވޭ.”
“އެކަމަކު އެ ދެ މީހުން މަސައްކަތްކުރަނީ އެއް ތަނެއްގައެއް ނޫންކަމަށް ބުނަނީ. މާ ބޮޑު ރަޙުމަތްތެރިކަމެއް ވެސް، އެ ދެ މީހުންގެ ދެމެދުގައި ނޯވެޔޯ.”
“މި ކަހަލަ ހާދިސާތައް ހިނގާފައި ހުރީކީ، ހަމައެކަނި ރައްޓެހިންގެ ތެރެއަކު ނޫންތާ!”
“ތި ވެސް ރަނގަޅު ވާހަކައެއް.”
“ބިދޭސީން މި ގައުމުން މަދުނުކޮށް މިހެން ތިއްބާ، ހީ ނުކުރާ ކަހަލަ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ. އެ ބުނާ ކަންޑަރެއްގައި މަސައްކަތްކުރަން ވެސް ހާދަ ގިނަ ބިދޭސީން އުޅޭކަމަށްވެޔޭ.” ތައުފީޤު ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އާނ! ސަރުކާރުން މި ކަންކަމާމެދު ވަރަށް ސީރިޔަސްކޮށް ވިސްނާން އެބަ ޖެހޭ.”
“ސަރުކާރުން އެކަންޏެއް ނޫން! އާންމުން ވެސް.” ތައުފީޤު އިތުރުކޮށްލިއެވެ.
“ކޮބާ ކޮވިޑްޖެހޭ މީހުންގެ އަދަދު ހަމަ މައްޗަށް ދޯ ދަނީ؟” ބިދޭސީންގެ ވާހަކަ ނިޒާރު ދޫކޮށްލިއެވެ.
“އާނ! މިހާރު 1300 އާ ކައިރިކުރަނީނު. މިހާރު އުޅެނީ 1270 އިން މަތީގަ. އެކަމަކު ޑޮކްޓަރުން ވިދާޅުވަނީ މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ ބޭސްލައިންގައި ކަމަށް. މާލޭގެ އާބާދީއަށް ބަލާއިރު 50 އިން ދަށްވީމަ އެއީ ބޭސްލައިންކަމަށް އެ ބޭފުޅުން ވިދާޅުވަނީ.”
“ޓެސްޓު ކުރެވޭ އަދަދު އިތުރުނުކޮށް ބަލި އުޅޭ މިންވަރު ދެނެގަންނާކަށް ނޭނގޭނެ. ދުވާލެއްގެ މައްޗަށް މިހާރު ވެސް ތި ހެދެނީ 400 ވަރަކަށް ޓެސްޓް. ކުރީ ރޭ އަފުޒަލް ވެސް ވިދާޅުވިއެއްނު، މި މަސް ނިމޭއިރު އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖް އައިކަން ނުވަތަ ނޫންކަން ޔަގީން ކުރެވޭނީ، ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރެވިގެންނޭ.” ނިޒާރު ބުންޏެވެ.
“އޭޑީކޭއިން ޓެސްޓުކުރަން ފަށަން އެ އުޅެނީ. މިހާރު އެ ތަނުގައި ޕީސީއާރު ސިސްޓަމް ބަހައްޓައިފި. ދުވާލަކު 600 ސާމްޕަލް ޓެސްޓުކުރުން އަމާޒަކަށް ހަދައިގެން އެ މީހުން އުޅެނީ.”
“ތީ ވަރަށް އުފާވެރި ޚަބަރެއް.”
“އެއަށްވުރެ ބޮޑު އުފަލެއް މަށަށް ލިބުނީ، ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުސަތު ލިބުނީމަ. އެ ޚަބަރު އިވިފައި މަގޭ ލޮލުން ކަރުނަ ހިލުނު. ޢާންމު ހާލަތުގައި ހުރި ހުރިހައި ރަށެއްގައި، މިއަދު ޖަމާޢަތުގައި ހުކުރު ނަމާދުކޮށްފި.”
“މަށަށް ވެސް އުފަލުން ހަމަ ރޮވުނު. ހާދަ އުފަލެއް ލިބުނޭ. ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުނުކުރާތާ މަހެއްހައި ދުވަސްވީއޭ ދޯ؟”
“އާނ. އެކަމަކު އަހަރެމެންނަކަށް އަދި ވެސް އެ ނަސީބެއް ނެތް. ލޮކްޑައުންއާއި މޮނިޓަރިންގެ ހާލަތުގައި ހުރި އެއްވެސް ރަށެއްގައި އަދި ހުއްދައެއް ނެތް ވިއްޔަ.”
“އިރާދަކުރެއްވިއްޔާ ދެން އަންނާނީ ރަނގަޅުވަމުން. އަހަރެމެންނަށް އޮންނާނީ ކެތްތެރިކަމާއެކު ދުޢާކުރުން ތާ. ކޮބާ މިހާރު ފިޒާލުގެ ކަންތައް ކިހިނެއް؟”
“ﷲގެ ރަޙުމަތްފުޅާއެކު މިހާރު އޭނާގެ ވިސްނުން އެބަ ބަދަލުވޭ. ކުރީ ދުވަހު އަހުސަނުގާތުގައި ބުނިކަމަށްވަނީ، ކުއްޖަކާ ރައްޓެހިވާން ބޭނުންވާ ވާހަކަ. އެ ހަނދާންތަކާ ދުރުވާށޯ މިހާރު ބޭނުންވަނީ.” ތައުފީޤުގެ އަޑާއި ރާގުގައި އުފާވެރި ކުލަ ޖެހުނެވެ.
“ތީ ވަރަށް އުފާވެރި ޚަބަރެއް.” ހާޖަރާގެ އަޑުގައި ހުރީ އުފާވެރިކަމެވެ. “މަންމަ ހާދަ އިންތިޒާރެއް އެބަ ކުރަމޭ ދަރިފުޅު ފެންނާނެ ދުވަހަކަށް.” ހާޖަރާގެ ދެ ލޯ ފެންކަޅިވިއެވެ.
“އިރާދަކުރެއްވިއްޔާ ދެން މާ ގިނަ ދުވަހެއް ނުވާނެ!”
ރަށަށް ދެވޭ ދުވަސް ކައިރިވާތީ ނަދާ އުފާވެއެވެ. މަންމަ ފެންނާނެތީއެވެ. ރައްޓެހި ކުދިންނާ ބައްދަލުވާނެތީއެވެ. އެހެންނަމަވެސް ލަތީފުގެ ކަންތައްތައް ހިތަށް ވެރިވުމާއެކު އޭނާގެ ނުތަނަވަސްކަން އިންތިހާއަށް އަރައެވެ. ރަށަށް އެރުމާއެކު އޭނާ އަންނާނެއެވެ. ކޮންމެ ގަޑިއަކު ވެސް ގެއަށް ވަނުމުގެ ހުއްދަ މިހާރު އޭނާއަށް އޮންނާނޭ ކަންނޭނގެއެވެ. އޭނާގެ ކެހިވެރި ދަލުގައި މަންމަ އެ ވަނީ ފިސާރި ރަނގަޅަށް ޖައްސާފައެވެ. އޭނާއާ ބެހޭގޮތުން މީހަކު ދައްކާ ވާހަކައެއް މަންމަ ގަބޫލުކުރާނޭ ހެނެއް ހިއެއް ނުވެއެވެ.
ނަދާ ބިރުގަންނަ އަނެއް ކަމަކީ، ރަށަށް އެރުމާއެކު، ކައިވެނިކުރަން ލަތީފު ތެޅެގެންފާނެތީއެވެ. ތެޅެގަންނާނެކަން ކަށަވަރެވެ. އޭނާ މައިތިރިވެފައި އެ ހުންނަނީ، އެ ކަމަށް ނަދާއަށް ފާޑަކަށް އެއްބަސްވެވުނީމައެވެ. މި ކަހަލަ ފިކުރުތައް ވެރިވުމާއެކު ނަދާގެ ބޮލުގައި ރިހެން ފަށައެވެ. ރަށަށް ދާ ދުވަސް ކައިރިވުމަކީ، ލިބޭ އުފަލެއް ނޫން ކަމަށް ހިތް ބުނާން ފަށައެވެ.
“ދަރިފުޅާ!” ނަދާއަށް އޮވެވުނީ މަންމަގެ ކޯލެއްގައިކަން، އޭނާގެ ހަނދާނަށް އައީ، މަންމަ ގޮވައިލި އަޑު އިވުމުންނެވެ.
“ކީކޭ މަންމާ!”
“ކީއް ތި ކުރަނީ؟ ވާހަކަ ނުދައްކާތީ މި އަހައިލީ.”
“ކަމަކާ ވިސްނައިލެވުނީ.” ނަދާ ހަމަ ގަސްތުގައި ބުނެލިއެވެ. ބޭނުންވަނީ މަންމަގެ ފަރާތުން ސުވާލަކާ ކުރިމަތިލާށެވެ.
“ދުނިޔޭގައި އުޅޭއިރު ވިސްނަންޖެހޭ ކަންކަން ވަރަށް ގިނަ ވާނެ! ދަރިފުޅު އަންނައިރު ވަޒީފާއެއް ވެސް ނޯންނާނެ! ދެން ޖެހޭނީ އަނެއްކާ ވަޒީފާއެއް ހޯދަން މީސްމީހުންގާތު އާދޭސްކުރަން ފަށަން. ހާރޫނުގެ ފިހާރައިން ވަޒީފާގަނޑެއް ލިބުނީ ވެސް އެހައި ވަރުން އުޅެގެން.” ހާޖަރާ ވާހަކަ ދައްކަން ފެށިއެވެ.
“އިރާދަކުރެއްވިއްޔާ ވަޒީފާ ލިބޭނެ.” ނަދާ ޔަޤީންކަމާއެކު ބުނެލިއެވެ.
“ތީ ދަރިފުޅަށް ހަމަ ހީވާ ގޮތް. ދަރިފުޅަށް ވަޒީފާއެއް ނުލިބި ގިނަ ދުވަސްވާން ފަށައިފިއްޔާ، ވަރަށް ދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހޭނެ!”
“ދެން އެހައި ގޯސްކޮށް ނުވިސްނާ މަންމާ! އެއްވެސް ކަމެއް ދެރަ ގޮތަކަށް މިންވަރެއް ނުކުރައްވާނެ!”
“މަންމަގެ ހިތަށް މި އަރަނީ، ދެން ދަރިފުޅު މީހަކާ އިންނާންވީއޭ.” މަންމަގެ މި ޖުމުލައާއެކު، ނަދާގެ މޭ ތެޅިގަތެވެ. ފުރަތަމަ ވެސް އޭނާގެ ކުރިމަތީގައި އެނބުރެންފެށީ ލަތީފުގެ ރުޅިވެރި މޫނެވެ. ބިރުވެރި ދެ ލޮލެވެ. ނަދާއަށް ދެ ލޯ މަރައިލެވުނީ ބޭއިޚުތިޔާރުގައެވެ.
ނުނިމޭ
Be the first to comment