ބަހަށް އަހުލުވެރިވުން

އެއް ދުވަހަކު ހާދީ ބޭރުގައި އުޅެފައި ގެއަށް އައިސް ވަންއިރު، އޭނާގެ އަންހެނުން ކަމަނަ ފެންނާކަށް ނެތެވެ. ހާދީ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ފެން ވެސް ބޮވައިގެންފައެވެ.

ހާދީ:  (އަޑަށް ބާރުލާފައި) ކަމަނާ!

ކަމަނަ: އޯއި

ހާދީ:  ނިކަން އަވަހަށް މި ކޮޅަށް އާދެބަލަ! (އައިސްބަލަ)

ކަމަނަ: (ހާދީގާތަށް އައިސް ހުއްޓެމުން ބާރަށް) ގެއަށް އަންނަގޮތަށް ކޮން ހަޅޭކެއްތަ ތި ލަވަނީ.

ހާދީ:  (ހިތްހަމަނުޖެހިފައި) ފިރިމީހާއާ ވާހަކަދައްކާނީ ތިހެން ރުޅިއައިސްފަކާ (ރުޅިއައިސްފައެއް) ނުނޭ. މަށާ ދިމާއަށް އައިސް ފުންމައިގަންނައިރު އަމިއްލަމީހާ (ތިމާ) ހުރި ސިފަ ދެކިބަލަ!

ކަމަނަ: ތީނައަކަށް (ކަލެއަކަށް/ ހާދީއަކަށް) ވެސް ނުޖެހޭނެ ތި ފާޑަށް މަށާ ވާހަކަ ދައްކާކަށް ދޯ! ބޭކާރު އަނގަ ނުތަޅާ ބޭނުންވާކަމެއް ބުނޭ!

ހާދީ: އެހެންވިއްޔާމުން (އެހެންވިއްޔާ) ތީގެން (ތިއިން) ފޯއްކޮޅެއް ދީފައި ނިކަން ދޭބަލަ (ގޮސްބަލަ!) މަށަށް ފެންކޮޅެއް (ފެންފޮދެއް) ހިފައިން (ހިފައިގެން) އަންނަން.

ކަމަނަ: (ހިނގައިގަންނަމުން ކުދިކިޔާ ގޮތަށް) ހޫނ. ވަރަށް ފޫހިވޭ! ތާހިރު (ރީތި) ސިފައެއް ޖަހާ ނަމަ އަދި ކިހައި ފޮންޏެއްވީސް.

ހާދީ: (އަޑަށް ބާރުލާފަ) އޭ ކަމަނާ! އަދި އަންނައިރު މޭޒުމަތީގައި އިން (ހުރި) މަގޭ ދަބަސް ވެސް ގެންނާތި!

މިއަދުގެ ގިނަ ދިވެހިންނަށް ނޭނގިގެން، ނުވަތަ ފަރުވާކުޑަކުރުމުގެ ތެރެއިން ނަމަވެސް ކުށްބަސް ބޭނުންކުރުން މި ވަނީ ވަރަށް ބޮޑަށް އާންމު ވެފައެވެ. މަތީގައި އޮތް ޚިޔާލީ ވާހަކަކޮޅަށް ބަލައިލާއިރު، މި ފަދަ ކުށްބަސްތަކެއް ފާހަގަ ކުރެވޭނެއެވެ. އެއީ މި ޒަމާނުގައި އާންމު ގިނަ ދިވެހިން، މޮށެ އުޅުމުގައި ބޭނުންކޮށް އުޅޭ ކުށްބަސްތަކުގެ ތެރެއިން، ކޮންމެވެސް މިންވަރެކެވެ. ޖެހިގެން އޮތް ބުރެކެޓުގައި އެ ވަނީ، ބަހުގެ ގަވާއިދާއި ހަމައިގައި އޮންނަން ކަނޑައަޅާފައިވާ ގޮތެވެ.

ދެކެވުނު ވާހަކައެއްގެ ތެރެއިން އެއް ދުވަހަކު މީހަކު ބުނެފިއެވެ. ބަހެއްގެ ބޭނުމަކީ، ތިމާ ބުނަން ބޭނުންވާ އެއްޗެއް އަނެކާއަށް އަންގައިދިނުމެވެ. އެހެންވީމާ، ރައްދުވާ ފަރާތަށް ދޭހަވާގޮތަށް ބުނެދެވުނީމާ އެ އޮތީ ރަނގަޅަށެވެ. ކޮން ގަވާއިދެއް، ހަމައެއް ހެއްޔެވެ؟

ރަނގަޅު ވާހަކައެކެވެ. އަތް ފައި ބުޅިކޮށް ވައްތަރު ޖައްސައިގެން ނަމަވެސް، ތިމާގެ ޝުޢޫރު އަނެކާއަށް ފޯރުކޮށް ދެވުމުން އެ ހިނދަށް އެ ކަން އެ އޮތީ ނިމިފައެވެ. ފުދިފައެވެ. އެކަމަކާ ދެ ބަހެއް ނުވާނަމެވެ. އެހެންނަމަވެސް އެ ކަން އެ ކުރެވުނީ އެންމެ ރަނގަޅަށޭ ބުނާ ބުނުމާ އެއްބަހެއް ނުވެވޭނެވެ.

ބޭނުންހައި ބަދަލެއް ލަފުޒުތަކަށް ގެނެސްގެން، ހިތަށް އެރިހައި ގޮތަކަށް ބަސް ބޭނުންކުރުމަކީ، ދުނިޔޭގެ އެއްވެސް ބަހެއްގައި “ހުއްދަކުރާ” ކަމެއް ނޫނެވެ. މިއަދުގެ ދިވެހިންގެ ހިތުގައި އެންމެ ބޮޑު ގަދަރަކާއި އިހުތިރާމެއް ދެވިފައިވާ ބަހަކީ އިނގިރޭސި ބަހެވެ. އޭގެ ސަބަބުތައް ވެސް ގިނައެވެ. ބުނަން މި އުޅެނީ އެ ވާހަކައެއް ނޫނެވެ. މި ބަހުގައި ވެސް އެ މީހަކު ބޭނުން ގޮތަކަށް ބޭނުން ހަމައަކުން ވާހަކަ ދެއްކުމުގެ މިނިވަންކަން އޮވޭ ހެއްޔެވެ؟ ބުނަން ޖެހޭނީ ނޫނެކެވެ. ވީއިރު އަމިއްލަ ބަހާމެދު އެހައި ކަންފަސޭހަ ގޮތެއް ގެންގުޅެން ވިސްނަނީ ކީއްވެގެން ބާވައެވެ؟

ގަބޫލުކުރަމެވެ. ގިނަ މީހުންނަށް ކުށްބަސް ބޭނުން ކުރެވެނީ އޭގެ ރަނގަޅުގޮތް ނޭނގޭތީއެވެ. ގިނަ ފަހަރަށް ނޭނގޭކަން ވެސް ނޭނގޭތީއެވެ. އެހެންކަމުން ބަހަށް އަހުލުވެރިވުމަށް ޓަކައި، ބަހުގެ އަހުލުވެރިންނާ މަޝްވަރާކޮށް، ވާހަކަދެއްކުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނުވަތަ ބަހުގެ ގަވާއިދު ފޮތްތައް މުޠާލިޔާކޮށްލެވިދާނެއެވެ. ފެންވަރު ރަނގަޅު ލިޔުންތައް ކިޔައި ހެދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ހަމަ އެއާއެކު “އެނގޭ މީހުން ނޭނގޭ މީހުންނަށް” ބުނެދިނުމަކީ ވެސް އޮތް ކަމެކެވެ. އެނގޭމީހާ ބުނެދިނުމުން، ނޭނގޭ މީހާއަށް އޮތް ގޮތަކީ، އެ ބުނި ބުނުމަށް އިހުތިރާމްކޮށް އެ ގޮތް ބަލައިގަތުމެވެ.

މި ކަހަލަ ގޮތަކަށް މަސައްކަތް ކޮށްގެން ނޫނީ، ކުށްބަހުން މޮށި އުޅޭ އުޅުމަށް ހައްލެއް އައުމަކީ ވާނޭ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑު ބިރަކީ މި މައްސަލަ މަޑުމަޑުން ނަމަވެސް ގޯހުން ގޯހަށް ދާކަމެވެ. ވަރަށް ފަހަކުން އިވެންފެށި ލަފުޒެއްގެ ވާހަކަ ދަންނަވާލާނަމެވެ. “އަމިއްލަމީހާ” މިއީ “ތިމާ” ގެ ބަދަލުގައި މިއަދުގެ ގިނަ ކުދިން ބޭނުން ކުރަމުން، އާންމުވަމުން އަންނަ ލަފުޒެކެވެ މި ދެ ލަފުޒަށް ވިސްނާއިރު ދުލަން ލުއިވެފައި، ކަންފަތަށް ފަސޭހައީ ވެސް “ތިމާ” އެވެ. އެހެންނަމަވެސް “ތިމާ” ދޫކޮށް “އަމިއްލަމީހާ”ގެ އަތުގައި ހިފައިގެން އުޅޭ ކުދިންނާއި މީހުން އަންނަނީ ގިނަވަމުންނެވެ. ބޮލަށް އުނދަގޫވާ ފަދަ “ދޯ”އެއް ވެސް މިއަދުގެ ދިވެހިންގެ ބަހުރުވައިގެ އެކުވެރިއަކަށް ވެއްޖެއެވެ. ތިމާގެ ދަރިއަކަށް އެންމެ ފުރިހަމަ ލޯތްބަކާއި އަޅާލުމެއް ދޭނީ ތިމާއެވެ. ތިމާ ނުދިން ލޯތްބެއް އެހެންބަޔަކު ނުދޭނެއެވެ.
ދިވެހިންގެ ބަހަކީ ދިވެހިންގެ އަމިއްލަ ބަހެވެ. އެ ބަހަށް ފަރުވާތެރިވެ، އަޅައިލަން ތިބީ ވެސް ދިވެހިންނެވެ. ދިވެހި ބަހަށް ދިވެހިން ނުކުރި ލޯތްބެއް، ނުކުރި އިހުތިރާމެއް، ކުރާނެ ބަޔަކު މި ދުނިޔޭގެ އެއްވެސް ބިމަކުން ނުފެންނާނެއެވެ.

Be the first to comment

ޚިޔާލު